ދިވެހިރާއްޖޭގެ މަތީ މަރުޙަލާގެ ކޯޓުތަކުން ކަނޑައަޅާފައިވާ ޤާނޫނީ އުޞޫލުތައް

Maldives Legal Precedents

Saeed Lex
[2021] SC 89 · 2019/SC-A/12ސުޕްރީމް ކޯޓު · 27 ސެޕްޓެމްބަރު 2021

މަރްޔަމް ޢަލީ ވ. އދ. މަހިބަދޫ ކައުންސިލްގެ އިދާރާ

ސުޕްރީމް ކޯޓު
ފަހުގެ ޙުކުމެއްގައި ޙަވާލާދީފައެއް ނުފެނޭޙުކުމުގެ ހާލަތު
ސުޕްރީމް ކޯޓު · 27 ސެޕްޓެމްބަރު 2021ބާވަތް: މަދަނީ

ޚުލާޞާ

ޚުލާޞާ ނެތް.

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
—
ފަހުގެ ތާރީޚު
—

ނިންމުން

—

ކޯ ޓާމްސް

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

މި ލިޔުމުން އުޞޫލެއް ނުނެގުނު.

ފަނޑިޔާރުން

ބެންޗު
—
ޚިލާފު ރައުޔު
ނެތް

ޝަރީޢަތުގެ ވީޑިއޯ

ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު

2019/SC-A/12

ޝަރީޢަތް ނިމުނުގޮތް

މަރްޔަމް ޢަލީ ވ. އދ. މަހިބަދޫ ކައުންސިލްގެ އިދާރާ

ފަނޑިޔާރުންގެ މަޖިލިސް

ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންފަނޑިޔާރު ޙުސްނުއް ސުޢޫދުފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްނިމުނު ތާރީޚު

27 ސެޕްޓެންބަރު 2021އިސްތިއުނާފު ކުރެވުނު ޤަޟިއްޔާ

2015/HC-A/264އިސްތިއުނާފު ރައްދުވާ ފަރާތް

އިސްތިއުނާފުކުރާ ފަރާތް

އދ. މަހިބަދޫ ކައުންސިލްގެ އިދާރާ

މަރްޔަމް ޢަލީ

ބަދަލުގައި:

ބަދަލުގައި:

މުޙައްމަދު ފާއިޒު، ފޭރުމާގެ، އދ. މަހިބަދޫ މޫސާ ރަމްޒީ، ރަންބުސްތާނުގެ، އދ. މަހިބަދޫ

ޤާނޫނީ ވަކީލު:

ޤާނޫނީ ވަކީލު:

ސީނިއަރ ސްޓޭޓް އެޓަރނީ އަލްއުސްތާޛު ޢަލީ ޝުހައިލު މުޙައްމަދު އަލްއުސްތާޛު ޢަބްދުލްޙަކީމް މުޙައްމަދު ރަޝާދު

ތަދައްޚުލުވި ފަރާތް

ޢަބްދުލްމުޙްސިން އަޙްމަދު

މަދަނީ – ތަރިކަ – ހިބައިން ދިނުން – މިލްކް ސާބިތުކުރުން – ގޯތީގެ ރަޖިސްޓްރީ ބާޠިލުކުރުން – މަތީ މަރުޙަލާގެ ކޯޓަކުން ކޮށްފައިވާ ޙުކުމަކާ ޚިލާފަށް މައްސަލަ ބަލައިގަތުން – ބިން ރަޖިސްޓްރީކުރުން

` މަރްޔަމް ޢަލީ ވ. އދ. މަހިބަދޫ ކައުންސިލްގެ އިދާރާ

ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރައުޔުގެ ރައުޔު (ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިން އަދިފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމް ތާއީދު ކުރައްވާފައި)

ތަޢާރުފު

މި މައްސަލައަކީ ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައިވާ އެ ކޯޓުގެ ނަންބަރު 2015/HC-A/264 ގަޒިއްޔާ ނިމިފައިވާ ގޮތާމެދު ހިތް ހަމަނުޖެހިގެން އދ. މަހިބަދޫ، ރަންބުސްތާނުގެ، މަރިޔަމް ޢަލީސުޕްރީމް ކޯޓަށް ހުށަހަޅާފައި އިސްތިއުނާފީ މައްސަލައެކެވެ. މި މައްސަލައިގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ އދ. މަހިބަދޫ ކައުންސިލްގެ އިދާރާއެވެ. އަދި، މި މައްސަލައަށް ޢަބްދުލްމުޙްސިން އަޙްމަދު ތަދައްޚުލްވެފައިވެއެވެ.

މައްސަލައިގައި ކަން ހިނގާފައިވާ ގޮތް

އދ. މަހިބަދޫ ކޯޓުން 02 ޑިސެންބަރު 1979 ގައި ނިންމާފައިވާ ނަންބަރު 41/I-13-C/79 ގަޒިއްޔާގެ ޝަރީއަތް ނިމުނު ގޮތުގެ ރިޕޯޓަށް ބަލާއިރު އެ ގަޒިއްޔާއަކީ އދ. މަހިބަދޫ ރަންބުސްތާނުގޭ އަޙްމަދު މުޙައްމަދު، އުމުރުން ދުވަސްވުމާއެކު، މުސްކުޅިކަމުގެ ބަލިހާލުގައި އެނދުމަތިވެ ހިނގައިބިނގައި ނޫޅެވޭ ވަރުވެފައިވަނިކޮށް އޭނާގެ މިލްކުގައި ހުރި އަންނަނިވި ތަކެތި އޭނާގެ މިލްކުން ކަނޑައި، އޭނާގެ ކާފަދަރި މަރިޔަމް ޢަލީ އާއި މި މަރިޔަމް ޢަލީގެ ފިރި، އދ. މަހިބަދޫ، ނޫރީގޭ، ޢަލީ މުޙައްމަދާ، ދެމަފިރިންނަށް ހިބައިން ދިނުމަށްޓަކައި ހިންގި ޝަރީއަތެކެވެ. އަޙްމަދު މުޙައްމަދުގެ މިލްކުން ކަނޑައި އޭނާގެ ކާފަދަރި މަރިޔަމް ޢަލީ އާއި މި މަރިޔަމް ޢަލީގެ ފިރި، ޢަލީ މުޙައްމަދާ، ދެމަފިރިންނަށް ހިބައިން ދިން ތަކެއްޗަކީ:

ފޯދުނު 22 (ބާވީސް) ރުއް.

ނުފޯދޭ ދޮޅަހަކަށް ރުއް.

ދެ ތެލި

އެއް ރުނބާ.

ދެ އަށި

މަތީގައި ބަޔާންކުރެވުނު ތަކެތީގެ އިތުރުން އަޙްމަދު މުޙައްމަދުގެ މިލްކުގައިވާހާ ތަކެތި.

މި ބަޔާންކުރި ތަކެތި ހިބައިން ދިނުމަށްޓަކައި މިލްކުވެރިކަން ބަދަލުކުރުމާބެހޭ ގާނޫނުގެ 1 ވަނަ ނަންބަރުގެ (ނ) (ރ) (ބ) ގައިވާ ގޮތުގެ މަތީން އދ. މަހިބަދޫ، ވައިދަށުގެ، ކުޑަމަނިކާ ހަވާލުކޮށް، މިލްކުވެރިކަމުގެ ހެކިންނަށް އދ. މަހިބަދޫ، ކުޅިބަލާގޭ، މުޙައްމަދު އިބްރާހިމް އާއި އދ. މަހިބަދޫ، ހަނދުވަރީގެ، ގާސިމްއާދަމް، މި ދެ މީހުން ހެކިކޮށް އަޙްމަދު މުޙައްމަދުގެ ފަރާތުން ޝަރީއަތަށް ގަބޫލުކުރާ ލިޔުމާއެކު ފޮނުވައި ހިބައިން ދިނުމަށް އެދި ކޯޓަށް ހުށަހެޅިކަން، އެ ގަޒިއްޔާގެ ޝަރީއަތް ނިމުނު ގޮތުގެ ރިޕޯޓުން އެނގެއެވެ.

މަތީގައި ބަޔާންކުރެވުނު ތަކެތި އަޙްމަދު މުޙައްމަދުގެ މިލްކުން ކަނޑައި އޭނާގެ ކާފަދަރި މަރިޔަމް ޢަލީ އާއި މި މަރިޔަމް ޢަލީގެ ފިރި ޢަލީ މުޙައްމަދާ، ދެމަފިރިންނަށް ދީ، އަޙްމަދު މުޙައްމަދު ކުޅަ ހިބައަކީ ސައްހަ ހިބައެއް ކަމަށް އދ. މަހިބަދޫ ކޯޓުން ހުކުމްކޮށްފައިވެއެވެ.

ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2007/HC-A/139 ގަޒިއްޔާ

އދ. މަހިބަދޫ ކޯޓުން 02 ޑިސެންބަރު 1979 ގައި ނިންމާފައިވާ ނަންބަރު 41/I-13-C/79 ގަޒިއްޔާ ނިމުނުތާ 25 (ފަންސަވީސް) ވަރަކަށް އަހަރު ފަހުން އެ ގަޒިއްޔާ ނިމިފައިވާ ގޮތާމެދު ހިތް ހަމަނުޖެހިގެން އދ. މަހިބަދޫ، ރަތްބަގީޗާގޭ، ޢަބްދުލްމުޙްސިން އަޙްމަދު އެ ގަޒިއްޔާ އިސްތިއުނާފުކުރުމަށް 1998 ގެ ގާނޫނުއަސާސީގައިވާ ގޮތުގެ މަތިން ރައީސުލްޖުމްހޫރިއްޔާއަށް ހުށަހެޅުމުން، 08 ޖުލައި 2007 އިން ފެށިގެން 90 (ނުވަދިހަ) ދުވަހުގެ ތެރޭގައި ޢަބްދުލްމުޙްސިން އަޙްމަދު އެ ގަޒިއްޔާ އިސްތިއުނާފުކުރުމަށް ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅައިފިނަމަ، އެ ގަޒިއްޔާ ބަލައިދޭން ފެންނަކަމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައެޅިއެވެ. ރައީސުލްޖުމްހޫރިއްޔާ އެގޮތަށް ނިންމުމުން، ޢަބްދުލްމުޙްސިން އަޙްމަދުގެ ފަރާތުން އެ މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ހައިކޯޓުން އެ ގަޒިއްޔާ ބެލީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2007/HC-A/139 ގަޒިއްޔާގައެވެ.

02 ޑިސެމްބަރު 1979 ގައި ނިންމާފައިވާ ނަންބަރު 41/I-13-C/79 ގަޒިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމަށް ޢަބްދުލްމުޙްސިން އަޙްމަދުގެ ފަރާތުން ހުށަހަޅާފައި ވަނީ އަންނަނިވި ނުކުތާތަކެވެ.

(ހ) އަޙްމަދު މުޙައްމަދުއަކީ ޢަބްދުލްމުޙްސިން އަޙްމަދުގެ ބައްޕަ ކަމަށް ވެފައި، ބައްޕަގެ އުމުރަކީ 103 (ސަތޭކަތިނެއް) އަހަރު ކަމަށް ވެފައި، ޢަބްދުލްމުޙްސިން އަޙްމަދަށް އެނގުމެއް ނެތި ޢަބްދުލްމުޙްސިން އަޙްމަދު ހާޒިރުނުކޮށް، އަޙްމަދު މުޙައްމަދު ކުރި ހިބައަކަށް ހަދައި މައްސަލަ ނިންމާފައިވުން.

(ށ) ހިބައިން ދިނުމަށް ހަވާލުކުރިކަމަށް ބުނާމީހާ އާއި އެކަމަށް ހެކިވިކަމަށް ބުނާ މީހުންގެ ބަހެއް ހޯދުމެއް ނެތި، އަދި އެކަން އެނގޭގޮތުގެ ލިޔުމެއް ނެތް ހިނދު ސައްހަ ހިބައަކަށް އެ ހިބަ ވާންވީ ޝަރުއީ އަދި ގާނޫނީ ހަމައެއް ނެތުން.

(ނ) ދިން ކަމަށް ބުނާ ތަކެތީގެ ތެރޭގައި ބަދިގެއާއި ގެދޮރުފަދަ ތަންތަން ކަނޑައަޅާފައި ނެތީސް މިލްކުގައިވާ އެންމެހާ ތަކެތީގައި ގެދޮރާއި ގޯތި ގެދޮރު ހިމެނޭކަމަށް ބަލައި މި ގަޒިއްޔާގެ ދަށުން ގޯތި ގެދޮރު ވެސް އެ ފަރާތަށް ދީ އެ ތަނުގައި ދިރިއުޅޭހެން މިލްކުކޮށް ރަޖިސްޓަރީވާހެން އެ ގަޒިއްޔާ ނިންމާފައި އޮތުން.

ޢަބްދުލްމުޙްސިން އަޙްމަދު ކުޅަ ދައުވާގެ ޖަވާބުގައި މަރްޔަމް ޢަލީގެ ފަރާތުން ބުނެފައި ވަނީ އ. އަތޮޅު ކޯޓުގެ ނަންބަރު 71/އ.ކ2/50 ގަޒިއްޔާ އާއި، އ. އަތޮޅު ކޯޓުގެ ނަންބަރު 56/IC-2/75ގަޒިއްޔާ އާއި އދ. މަހިބަދޫ ކޯޓުން 02 ޑިސެންބަރު 1979 ގައި ނިންމާފައިވާ ނަންބަރު 41/I-13-C/79 ގަޒިއްޔާ އާއި އދ. މަހިބަދޫ ކޯޓުގެ ނަންބަރު18/I-13-C/89 ގަޒިއްޔާއިން ޢަބްދުލްމުޙްސިން އަޙްމަދު ދައުވާކުރާ މުދާ މިހާރު ވަނީ މަރިޔަމް ޢަލީއަށް މުޅިން ލިބި އެކަން ގަރާރުވެފައި ކަމަށެވެ.

މި ގަޒިއްޔާގައި ހުކުމްކުރަމުން ހައިކޯޓުން ބުނެފައިވަނީ އަޙްމަދު މުޙައްމަދު އިސްތިއުނާފުކުރެވޭ ގަޒިއްޔާގައި ކުރި ހިބައިގެ ސީޣާއަށް ބަލާއިރު ހިބައިން ދިން ތަކެތީގެ ތެރޭގައި އދ. މަހިބަދޫ ރަންބުސްތާނުގެ އެވެ ކިޔާގޯތީގައިވާ އަޙްމަދު މުޙައްމަދުގެ މިލްކުގައިވާ އިމާރާތްތަކާއި ވަޅުފަދަ މުދަލެއް ހިމަނާފައިވާ ކަމަށް ކަނޑައެޅިގެން އެނގެން ނެތް ކަމަށެވެ. އަދި މިލްކުވެރިކަން ބަދަލުކުރުމުގެ ގާނޫނުގެ 1 ވަނަ މާއްދާގެ (ނ) ގައި މީސްމީހުންގެ އަމިއްލަ ބިމާއި އެ ބިމުގައި ހުންނަ އިމާރާތްތައް ފިޔަވައި، ރަޖިސްޓަރީކުރެވިފައިވާ އެއްޗެއް ނުވަތަ ތަނެއްގެ މިލްކުވެރިކަން ބަދަލުކުރަނީނަމަ، ރަޖިސްޓަރީ ދިން ފަރާތުގެ އިއުތިރާޒު ނެތްކަމުގެ ލިޔުމެއް ހުށަހަޅަން ލާޒިމުވާއިރު، އދ. މަހިބަދޫ ރަންބުސްތާނުގެ އެވެ ކިޔާ ގޯއްޗަކީ ދައުލަތުން ކޮން ފަރާތަކަށް ރަޖިސްޓަރީކޮށްދީފައިވާ ތަނެއް ތޯ އާއި އަދި އެ ގަޒިއްޔާގައި އަޙްމަދު މުޙައްމަދު ކޮށްފައިވާ ހިބައިގެ ތެރޭގައި އެ ގޯތީގައިވާ އިމާރާތްތައް ހިމެނޭނަމަ، އެ ގޯތި ރަޖިސްޓަރީކޮށްފައިވާ ފަރާތުގެ އިއުތިރާޒެއް އޮތްކަން ނުވަތަ ނޫންކަން އދ. މަހިބަދޫ ކޯޓުން ބަލާފައި އޮތްކަން ނުވަތަ ނޫންކަން އެ ގަޒިއްޔާ ނިމުނު ގޮތުގެ ރިޕޯޓުން އެނގެން ނެތް ކަމަށެވެ.

ހައިކޯޓުން އިތުރަށް ބުނެފައި ވަނީ އދ. މަހިބަދޫ ކޯޓުގެ ނަންބަރު 41/I-13-C/79 ގަޒިއްޔާގެ ހުކުމުގައި އަޙްމަދު މުޙައްމަދު ކުޅަ ހިބަޔަކުން އދ. މަހިބަދޫ ރަންބުސްތާނުގެ އެވެ ކިޔާ ގޯތީގައިވާ އެއްވެސް އިމާރާތެއް މަރިޔަމް ޢަލީއަށާއި މަރިޔަމް ޢަލީގެ ފިރިމީހާއަށް މިލްކުވެއްޖެ ކަމަށް ސާފުކޮށް ކަނޑައަޅާފައި ނެތުމުން، އަޙްމަދު މުޙައްމަދު ކުޅަ ހިބައިގައި އދ. މަހިބަދޫ ރަންބުސްތާނުގެ އެވެ ކިޔާ ގޯތީގައިވާ އިމާރާތްތައް ހިމެނޭ ކަމަށް ބަލައިގެން އެ ގަޒިއްޔާގައި ހުކުމްކޮށްފައި އޮތް ކަމަށް ބެލެވެން ނެތް ކަމަށެވެ.

އިތުރަށް ހައިކޯޓުގެ ހުކުމުގައި ބުނެފައި ވަނީ އދ. މަހިބަދޫ ކޯޓުގެ ނަންބަރު 41/I-13-C/79 ގަޒިއްޔާގައި ހަވާލާދީފައިވާ އ. އަތޮޅު ކޯޓުގެ ނަންބަރު 71/އ.ކ2/50 ގަޒިއްޔާ އާއި، އ. އަތޮޅު ކޯޓުގެ ނަންބަރު 56/IC-2/75ގަޒިއްޔާ ނިމުނު ގޮތުގެ ރިޕޯޓަށް ބަލާއިރު، އދ. މަހިބަދޫ ރަންބުސްތާނުގެ އެވެ ކިޔާ ގޯއްޗަކީ ރަންބުސްތާނުގޭ އަޙްމަދު މުޙައްމަދުއަށް ދޫކުރެވިފައިވާ ނުވަތަ އަޙްމަދު މުޙައްމަދުގެ ނަމުގައި އެއްވެސް އިރަކު ރަޖިސްޓަރީކުރެވިފައިވާ ގޯއްޗެއްކަން އެނގެން ނެތް ކަމަށެވެ. އަދި ރަންބުސްތާނުގެ އެވެ ކިޔާ ގޯތީގައިވާ އިމާރާތްތަކާއި ވަޅުފަދަ ތަންތަނަކީ އަޙްމަދު މުޙައްމަދުގެ މިލްކިއްޔާތުކަން އެނގޭނެ ގޮތަށް ކޮށްފައިވާ އެއްވެސް ހުކުމެއް ނެތް ކަމަށެވެ.

އދ. މަހިބަދޫ ރަންބުސްތާނުގެ އެވެ ކިޔާ ގޯއްޗަށް ކުރިން "މަސްފިހާގެ" ކިޔާ ކަމަށް ޢަބްދުލްމުޙްސިން އަޙްމަދު ބުނެފައި ވާތީ އދ. މަހިބަދޫ ރަންބުސްތާނުގެ ނުވަތަ މަސްފިހާގެ ނަމުގައި މަހިބަދޫ ރަންބުސްތާނުގެ އަޙްމަދު މުޙައްމަދުއާ ހަވާލުކުރެވި އޭނާގެ ނަމުގައި ދައުލަތުން އެ ގޯތި ރަޖިސްޓަރީ ކޮށްދީފައިވޭތޯ ބެލުމަށް އދ. މަހިބަދޫ އޮފީހަށް ދިވެހިރާއްޖޭގެ ހައިކޯޓުން ލިޔުމުން އެ ސިޓީގެ ޖަވާބުގައި އދ. މަހިބަދޫ އޮފީހުން ހައިކޯޓަށް ފޮނުވި ނަންބަރު I-4C/2009/62 (08 ސެޕްޓެންބަރު 2009) ސިޓީގައި ބުނެފައި ވަނީ އަޙްމަދު މުޙައްމަދުގެ ނަމުގައި އެ ގޯއްޗަށް ރަޖިސްޓަރީއެއް ހަދާދީފައި ނުވާ ކަމަށެވެ. އެހެންކަމުން ހައިކޯޓުގެ ހުކުމުގައި ބުނެފައި ވަނީ އދ. މަހިބަދޫ ކޯޓުގެ ނަންބަރު 41/I-13-C/79 ގަޒިއްޔާގައި ހުކުމް ކުރިއިރު އަޙްމަދު މުޙައްމަދުގެ ނަމުގައި އދ. މަހިބަދޫ ރަންބުސްތާނުގެ ރަޖިސްޓަރީކޮށްދީފައި ނެތުމުން، އެ ގަޒިއްޔާގައި ކޮށްފައިވާ ހުކުމުގެ ދަށުން މަރިޔަމް ޢަލީ އާއި އޭނާގެ ފިރި ޢަލީ މުޙައްމަދުއަށް އދ. މަހިބަދޫ ރަންބުސްތާނުގެ އެވެ ކިޔާގޯތީގައި ހިމެނޭ އެއްވެސް އިމާރާތެއް ނުވަތަ ވަޅުފަދަ އެއްޗެއް މިލްކުވެގެން ހިނގައިދާނެ ކަމަށް ގަބޫލުކުރެވޭ ސަބަބެއް ނެތް ކަމަށެވެ.

އިތުރަށް، ދިވެހިރާއްޖޭގެ ހައިކޯޓުން ކުރި ހުކުމުގައި ބުނެފައި ވަނީ އދ. މަހިބަދޫ ރަންބުސްތާނުގެ ގޯއްޗަށް އދ. އަތޮޅު އޮފީހުން 07 ފެބުރުވަރީ 2001 ގައި ހަދާދީފައިވާ ނަންބަރު26/2001/ގ/4-I ގޯތީގެ ރަޖިސްޓަރީއަށް ބަލާއިރު އެ ގޯއްޗަކީ އދ. މަހިބަދޫ ރަންބުސްތާނުގެ މަރިޔަމް ޢަލީއަށް ދައުލަތުން ހަވާލުކޮށްފައިވާ ގޯއްޗެއް ކަމާއި އެ ގޯއްޗަކީ އެއްވެސް އިރެއްގައި އދ. މަހިބަދޫ ރަންބުސްތާނުގެ އަޙްމަދު މުޙައްމަދުގެ ނަމުގައި ކުރިން ރަޖިސްޓަރީ ކުރެވިފައިވާ ގޯއްޗެއް ކަން އެނގެން ނެތް ކަމަށެވެ.

މަހިބަދޫ ކޯޓުގެ ނަންބަރު 59/I-4-C/2010 ގަޒިއްޔާ

ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2007/HC-A/139 ގަޒިއްޔާ 31 ޖަނަވަރީ 2010 ގައި ހައިކޯޓުން ނިންމުމުން 08 ޑިސެންބަރު 2010 ގައި ޢަބްދުލްމުޙްސިން އަޙްމަދުގެ ފަރާތުން އަނެއްކާ ވެސް އދ. މަހިބަދޫ ކޯޓަށް ދައުވާއެއް ހުށަހެޅިއެވެ. އދ. މަހިބަދޫ ކޯޓަށް ހުށަހެޅުނު ދައުވާ އެ ކޯޓުން ބަލާފައިވަނީ އދ. މަހިބަދޫ ކޯޓުގެ ނަންބަރު 59/I-4-C/2010 ގަޒިއްޔާގައެވެ. މި ގަޒިއްޔާގައި ޢަބްދުލްމުޙްސިން އަޙްމަދުގެ ފަރާތުން ކުރި ދައުވާގައި ބުނެފައި ވަނީ ޢަބްދުލްމުޙްސިން އަޙްމަދުގެ ބައްޕަ ކަމުގައިވާ އަޙްމަދު މުޙައްމަދު މަރުބަލީގައި އޭނާގެ ކާފަދަރިފުޅު މަރިޔަމް ޢަލީއާއި އޭނާގެ ފިރި ޢަލީ މުޙައްމަދުއަށް ހިބައިން ދިން 22 (ބާވީސް) ފޯދުނު ރުކާއި ނުފޯދޭ ދޮޅަހަކަށް ރުކާއި ދެ އަށްޓާއި ދެ ތެއްޔާއި އެއް ރުނބާ ހިބައިން ދިނުމުގެ މައްސަލަ، އދ. މަހިބަދޫ ކޯޓުގެ ނަންބަރު 41/I-13-C/79 ގަޒިއްޔާގެ ޝަރީއަތް ނިމުނު ގޮތުގެ ރިޕޯޓަށް ބިނާކޮށްގެން އދ. މަހިބަދޫ އޮފީހުން އދ. މަހިބަދޫ ރަންބުސްތާނުގެ އިމާރާތާއި ގޯތި، އދ. މަހިބަދޫ، ރަންބުސްތާނުގޭ މަރިޔަމް ޢަލީގެ ނަމުގައި 07 ފެބުރުވަރީ 2001 ގައި ރަޖިސްޓަރީކޮށްދީފައިވަނީ ސައްހަ މަގުން ނޫންކަމަށާއި، އެއީ އދ. މަހިބަދޫ ކޯޓުގެ ނަންބަރު 41/I-13-C/79 ގަޒިއްޔާގައި ރަންބުސްތާނުގޭގައި ހުރި އޭނާގެ ބައްޕަގެ ގެއާއި ބަދިގެއާއި ވަޅު ހިބައިން ދީފައިނުވާތީ ކަމަށާއި، އެހެންކަމުން މަރިޔަމް ޢަލީގެ ނަމުގައި 07 ފެބުރުވަރީ 2001 ގައި އދ. އަތޮޅު އޮފީހުން އދ. މަހިބަދޫ ރަންބުސްތާނުގެއަށް ހަދައިދީފައިވާ ނަންބަރު 26/2001/ގ/4-I ގޯތީގެ ރަޖިސްޓަރީ ބާތިލުކުރުމަށް އެދޭ ކަމަށެވެ.

އދ. މަހިބަދޫ ކޯޓުގެ ނަންބަރު 59/I-4-C/2010 ގަޒިއްޔާގައި އެ ކޯޓުން ކުރި ހުކުމުގައި ބުނެފައިވަނީ މަހިބަދޫ ރަންބުސްތާނުގެ އެވެ ކިޔާ ބަންޑާރަ ގޯތީގައިވާ އެންމެހާ އިމާރާތްތަކާއި ވަޅުފަދަ ތަންތަނާއި ރުއްގަސްފަދަ ތަކެތީގެ ½ (ދެބައިކުޅައެއްބައި) ބައި މަރިޔަމް ޢަލީއަށް ލިބިގެންވާކަން އ. އަތޮޅު ކޯޓުގެ ސެކްޝަން 2 ގެ ނަންބަރު 71/އ.ކ2/50 ގަޒިއްޔާއިން އެނގެން އޮތުމާއި، އދ. މަހިބަދޫ ކޯޓުން ނިންމާފައިވާ އެ ކޯޓުގެ ނަންބަރު 41/I-13-C/79 ގަޒިއްޔާއިން އ. މަހިބަދޫ ރަންބުސްތާނުގޭ އަޙްމަދު މުޙައްމަދުގެ މިލްކުގައި ހުރިނަމަ ހުރި އެއްޗެއް އދ. މަހިބަދޫ ރަންބުސްތާނުގޭ މަރިޔަމް ޢަލީ އާއި އޭނާގެ ފިރި ޢަލީ މުޙައްމަދުއަށް ހިބައިދީފައިވާކަން އެނގެން އޮންނަ ކަމަށާއި، މަހިބަދޫ ރަންބުސްތާނުގެ އަޙްމަދު މުޙައްމަދު ނިޔާވީ ވާރިސުންނަށް ދޫކުރާނޭ ތަރިކައެއް ނެތި އަތްމަތި ހުސްވެގެންވާ ހާލުގައި ކަމަށް އދ. މަހިބަދޫ ކޯޓުގެ ނަންބަރު18/I-13-C/89 (25 ޖުލައި 1989) ވަނަ ގަޒިއްޔާއިން ހުކުމްކޮށްފައި އޮތުމުންނާއި، އދ. މަހިބަދޫ ކޯޓުގެ ނަންބަރު 41/I-13-C/79 ގަޒިއްޔާއިން މަހިބަދޫ ރަންބުސްތާނުގެ އެވެ ކިޔާ ބަންޑާރަ ގޯތީގައިވާ އެންމެހާ އިމާރާތްތަކާއި ވަޅުފަދަ ތަންތަނާއި ރުއްގަހަކީ އދ. މަހިބަދޫ ރަންބުސްތާނުގޭ މަރިޔަމް ޢަލީއާއި އޭނާގެ ފިރި ޢަލީ މުޙައްމަދުގެ މިލްކެއްކަން ދަލީލުކޮށްދޭ ކަމަށާއި، އަދި ކުރީގެ އަތޮޅު އޮފީހުން އދ. މަހިބަދޫ ރަންބުސްތާނުގޭ މަރިޔަމް ޢަލީގެ ނަމުގައި ހަދައިދީފައިވާ ނަންބަރު 26/2001/ގ/4-I ގޯތީގެ ރަޖިސްޓަރީ ހަދައިދީފައި ވަނީ އިސްވެ ބަޔާންކުރެވުނު ގަޒިއްޔާތަކުގެ މައްޗަށް ބެލެވިގެންކަން އެނގޭތީވެ، އެ ރަޖިސްޓަރީ ބާތިލުކުރަންޖެހޭ ގާނޫނީ ސަބަބެއް ނެތް ކަމަށެވެ.

ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-A/37 ގަޒިއްޔާ

އދ. މަހިބަދޫ ކޯޓުގެ ނަންބަރު 59/I-4-C/2010 ގަޒިއްޔާ ނިމުނު ގޮތާމެދު ހިތް ހަމަ ނުޖެހިގެން ޢަބްދުލްމުޙްސިން އަޙްމަދު އެ މައްސަލަ އިސްތިއުނާފުކުރިއެވެ. މި އިސްތިއުނާފުގެ މައްސަލަ ހައިކޯޓުގައި ބެލީ ހައިކޯޓުގެ ނަންބަރު 2012/HC-A/37 ގަޒިއްޔާގައެވެ. މި ގަޒިއްޔާގެ ހުކުމުގައި ހައިކޯޓުން ބުނެފައި ވަނީ އދ. މަހިބަދޫ ކޯޓުގެ ނަންބަރު 41/I-13-C/79 ގަޒިއްޔާއިން އަޙްމަދު މުޙައްމަދު ކުރި ހިބައިގެ ތެރޭގައި އދ. މަހިބަދޫ ރަންބުސްތާނުގޭ އެވެ ކިޔާ ގޯތީގައިވާ އެއްވެސް އިމާރާތެއް ނުވަތަ ވަޅުފަދަ އެއްޗެއް ނުހިމެނޭކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ކުރިން ނިންމާފައިވާ ހައިކޯޓުގެ ނަންބަރު 2007/HC-A/139 ގަޒިއްޔާގައި ކަނޑައަޅާފައިވާ ކަމަށެވެ. އެހެންކަމުން އދ. މަހިބަދޫ ކޯޓުގެ ނަންބަރު 41/I-13-C/79 ގަޒިއްޔާއިން އދ. މަހިބަދޫ ރަންބުސްތާނުގެ އެވެ ކިޔާ ބަންޑާރަ ގޯތީގައިވާ އެންމެހާ އިމާރާތާއި ވަޅުފަދަ ތަންތަނާއި ރުއްގަސްފަދަ ތަކެއްޗަކީ އަޙްމަދު މުޙައްމަދުގެ ކާފަދަރި މަރިޔަމް ޢަލީއާއި މަރިޔަމް ޢަލީގެ ފިރި ޢަލީ މުޙައްމަދުގެ މިލްކެއްކަން ދަލީލުކޮށްދޭ ކަމަށް އިސްތިއުނާފުކުރެވިފައިވާ އދ. މަހިބަދޫ ކޯޓުގެ ނަންބަރު59/I-4-C/2010 ގަޒިއްޔާ އެ ކޯޓުން ނިންމާފައިވާ ނިންމުމަކީ ސައްހަ ނިންމުމެއް ނޫން ކަމަށެވެ.

އިތުރަށް، ހައިކޯޓުގެ މި ހުކުމުގައި ބުނެފައި ވަނީ އދ މަހިބަދޫ ރަންބުސްތާނުގޭ މަރިޔަމް ޢަލީގެ ނަމުގައި ހަދައިދީފައިވާ ނަންބަރު 26/2001/ގ/4-I ގޯތީގެ ރަޖިސްޓަރީ ހަދައިދީފައި ވަނީ އދ. މަހިބަދޫ ރަންބުސްތާނުގެ އެވެ ކިޔާ ބަންޑާރަ ގޯތީގައިވާ އެންމެހާ އިމާރާތްތަކާއި ވަޅުފަދަ ތަންތަނާއި ރުއްގަސްފަދަ ތަކެތީގެ ½ (ދެބައިކުޅައެއްބައި) ބައި މަރިޔަމް ޢަލީއަށް ލިބިގެންވާކަން އ. އަތޮޅު ކޯޓުގެ ސެކްޝަން 2 ގެ ނަންބަރު 71/އ.ކ2/50 ގަޒިއްޔާ އާއި އދ. މަހިބަދޫ ކޯޓުގެ ނަންބަރު 41/I-13-C/79 ގަޒިއްޔާއަށް ބެލުމަށްފަހު ހަދާދީފައިވާ ސައްހަ ރަޖިސްޓަރީއެއް ކަމަށް އދ. މަހިބަދޫ ކޯޓުގެ ނަންބަރު 59/I-4-C/2010 ގަޒިއްޔާގެ ހުކުމުގައި ބުނެފައިވާއިރު، އދ. މަހިބަދޫ ރަންބުސްތާނުގެ އެވެ ކިޔާ ބަންޑާރަ ގޯތި އދ. އަތޮޅުގެ ކުރީގެ އަތޮޅު އޮފީހުން އެގޭ މަރިޔަމް ޢަލީއާ ހަވާލުކޮށް އޭނާގެ ނަމުގައި އެ ގޯތި ރަޖިސްޓަރީކޮށްދީފައިވާކަން މަހިބަދޫ ކުރީގެ އަތޮޅު އޮފީހުން 07 ފެބުރުވަރީ 2001 ގައި ހަދާދީފައިވާ ނަންބަރު 26/2001/ގ/4-I ގޯތީގެ ރަޖިސްޓަރީއަށް ބެލުމުން އެނގޭ ކަމަށާއި، މަރިޔަމް ޢަލީއާ އެ ގޯތި ހަވާލުކޮށް އޭނާގެ ނަމުގައި އެ ގޯތި ރަޖިސްޓަރީކޮށްދީފައި ވަނީ އެ ގޯތީގައިވާ އެންމެހާ ތަކެތި މަރިޔަމް ޢަލީއަށް ހިބައިން ލިބިފައިވާތީ ކަމަށާއި މަރިޔަމް ޢަލީއަށް އެއްވެސް އިރެއްގައި އެ ރަށުން ގޯއްޗެއް ދޫކޮށްފައިވާ ކަމުގެ އެއްވެސް ރެކޯޑެއް އެ އޮފީހުގައި ނެތް ކަމަށް އދ. މަހިބަދޫ ކައުންސިލުގެ އިދާރާއިން 01 ޑިސެންބަރު 2011 ގައި ޢަބްދުލްމުޙްސިން އަޙްމަދުއަށް ފޮނުވާފައިވާ ސިޓީއަށް ބެލުމުން އެނގޭ ކަމަށާއި، އެހެންނަމަވެސް އ. އަތޮޅު ކޯޓުގެ ސެކްޝަން 2 ގެ ނަންބަރު 71/އ.ކ2/50 ގަޒިއްޔާ އާއި އދ. މަހިބަދޫ ކޯޓުގެ ނަންބަރު 41/I-13-C/79 ގަޒިއްޔާއިން މަރިޔަމް ޢަލީއަށާއި އޭނާގެ ފިރި ޢަލީ މުޙައްމަދުއަށް ހިބައިން ލިބިފައިވާ ބިމާއި އިމާރާތާއި ރުއްގަހާއި ތަކެތީގެ ތެރޭގައި، އ. އަތޮޅު ކޯޓުގެ ސެކްޝަން 2 ގެ ނަންބަރު 71/އ.ކ2/50 ގަޒިއްޔާގައި ބަޔާންކޮށްފައިވާ އެ ގޭގެ ½ (ދެބައިކުޅައެއްބައި) ފިޔަވައި، އދ. މަހިބަދޫ ރަންބުސްތާނުގެ އެވެ ކިޔާ ގޯތީގައިވާ އެހެން އެއްވެސް އިމާރާތެއް ނުވަތަ ވަޅުފަދަ އެއްޗެއް ހިމެނިފައެއް ނުވެއެވެ. އެހެންކަމުން، އިސްތިއުނާފުކުރެވިފައިވާ އދ. މަހިބަދޫ ކޯޓުގެ ނަންބަރު 59/I-4-C/2010 ގަޒިއްޔާގައި ހިމެނޭ މައްސަލައިގައި އދ. އަތޮޅުގެ ކުރީގެ އަތޮޅު އޮފީހުން 07 ފެބުރުވަރީ 2001 ގައި ހަދައިދީފައިވާ ނަންބަރު 26/2001/ގ/4-I ގޯތީގެ ރަޖިސްޓަރީއަކީ، އ. އަތޮޅު ކޯޓުގެ ސެކްޝަން 2 ގެ ނަންބަރު 71/އ.ކ2/50 ގަޒިއްޔާ އާއި އދ. މަހިބަދޫ ކޯޓުގެ ނަންބަރު 41/I-13-C/79 ގަޒިއްޔާއަށް ބެލުމަށްފަހު ހަދާދީފައިވާ ސައްހަ ރަޖިސްޓަރީއެއް ކަމަށް ނިންމާފައިވާ ނިންމުމަކީ ސައްހަ ނިންމުމެއް ނޫން ކަމަށެވެ. މީގެ އިތުރުން ހައިކޯޓުގެ މި ގަޒިއްޔާގައި އދ. މަހިބަދޫ ކޯޓުގެ ނަންބަރު 59/I-4-C/2010 ގަޒިއްޔާގެ ހުކުމް ބާތިލުކޮށް، އދ. އަތޮޅުގެ ކުރީގެ އަތޮޅު އޮފީހުން07 ފެބުރުވަރީ 2001 ގައި އދ. މަހިބަދޫ ރަންބުސްތާނުގޭ މަރިޔަމް ޢަލީގެ ނަމުގައި އދ. މަހިބަދޫ ރަންބުސްތާނުގެ ގޯއްޗަށް ހަދައިދީފައިވާ ނަންބަރު 26/2001/ގ/4-I ގޯތީގެ ރަޖިސްޓަރީ ދިވެހިރާއްޖޭގެ ހައިކޯޓުން ބާތިލުކޮށްފައިވެއެވެ.

މަހިބަދޫ ކޯޓުގެ ނަންބަރު I4C/2014/01 ދައުވާ ފޯމުގެ ޖަވާބު

އދ. މަހިބަދޫ ރަންބުސްތާނުގެ ގޯއްޗާއި އެ ގޯތީގައިވާ އިމާރާތުގެ މިލްކުވެރިކަން ސާބިތުކުރުމަށް މަހިބަދޫ ރަންބުސްތާނުގޭ މަރިޔަމް ޢަލީގެ ފަރާތުން އދ. މަހިބަދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުމުން އެ ދައުވާ ފޯމާ ގުޅޭގޮތުން އދ. މަހިބަދޫ މެޖިސްޓްރޭޓް ކޯޓުން ގޮތެއް ނިންމައި އެ ކޯޓުގެ ނަންބަރު I4C/2014/01 ދައުވާ ފޯމުގެ ޖަވާބު އަންނަނިވި ގޮތަށް ދީފައިވެއެވެ. އެ ނިންމުމުގައި މަހިބަދޫ މެޖިސްޓްރޭޓް ކޯޓުން ބުނެފައި ވަނީ އދ. މަހިބަދޫ ރަންބުސްތާނުގެ ގޯތީގެ ރަޖިސްޓަރީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-A/37 ގަޒިއްޔާއިން ބާތިލުކޮށްފައިވާތީ އާއި ހުށަހަޅާފައިވާ ފޯމަކީ މިލްކުވެރިކަން ސާބިތުކުރުމަށް ދައުވާ ހުށަހަޅާ ފޯމަކަށްވާތީވެ، އިސްތިއުނާފީ ކޯޓަކުން ނިންމާފައިވާ ނިންމުމަކާ ފުށުއަރާ ގޮތަކަށް ހުށަހަޅާ މައްސަލަތައް ބަލައިގަތުމުގެ އިޚްތިސާސް އެ ކޯޓަށް ނެތަތީވެ، މަރިޔަމް ޢަލީ ހުށަހެޅި ފޯމު ބަލައިގަނެވެން ނެތް ކަމަށެވެ.

ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HC-A/264 ގަޒިއްޔާ

އދ. މަހިބަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު I4C/2014/01 ދައުވާ ފޯމުގެ ޖަވާބުން އެ ކޯޓުން ނިންމާފައިވާ ނިންމުމާމެދު ހިތް ހަމަނުޖެހޭތީވެ، މަރިޔަމް ޢަލީގެ ފަރާތުން އެ މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅިއެވެ. މި މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުން ބަލާފައި ވަނީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HC-A/264 ގަޒިއްޔާގައެވެ. މަހިބަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު I4C/2014/01 ދައުވާ ފޯމުގެ ޖަވާބުން އެ ކޯޓުން ނިންމާފައިވާ ނިންމުން އިސްތިއުނާފުކުރުމަށް މަރިޔަމް ޢަލީގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައި ވަނީ އަންނަނިވި 2 ނުކުތާ އެވެ.

(ހ) މަރިޔަމް ޢަލީގެ ނަމުގައި މަހިބަދޫ ރަންބުސްތާނުގެއަށް 07 ފެބުރުވަރީ 2001 ގައި ހަދާދީފައިވާ ރަޖިސްޓަރީ ހައިކޯޓުގެ ނަންބަރު 2012/HC-A/37 ގަޒިއްޔާއިން ބާތިލުކުރި އިރު މަރިޔަމް ޢަލީގެ ކުދިންގެ ފައިސާ ޚަރަދުކޮށްގެން އެ ގޯތީގައި ހަދާފައިވާ 4 ކޮޓަރި، 4 ފާޚާނާ، 1 ސިޓިންގ ރޫމް، 1 ކާގެ، 2 ވަޅު އިމާރާތްކޮށްފައި ހުރުމުން އެ ގޯތީގައި ހުރި މަރިޔަމް ޢަލީގެ މިލްކު އިމާރާތްތަކާއި ގޯތި ރަޖިސްޓަރީ ކުރަން ބޭނުންވާތީ، އެ ގޯތީގައި ހުރި އިމާރާތްތަކުގެ މިލްކުވެރިކަން ސާބިތުކުރުމަށް އދ. މަހިބަދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުމުން އެ މައްސަލަ އެ ކޯޓުން ބަލައިގެންފައި ނުވަނީ ހައިކޯޓުގެ ނަންބަރު 2012/HC-A/37 ގަޒިއްޔާއަށާއި ދިވެހިރާއްޖޭގެ ބިމާބެހޭ ގާނޫނުގެ 13 ވަނަ މާއްދާގެ (ހ) އާއި (ށ) އާ ޚިލާފަށް ކަމަށް ބުނެ ހުށަހެޅި ނުކުތާ.

(ށ) ދިވެހިރާއްޖޭގެ ބިމާބެހޭ ގާނޫނުގެ 13 ވަނަ މާއްދާގެ (ހ) އާއި (ށ) ގައި ބުނެފައިވާ ގޮތުން ދިރިއުޅުމަށް ދޫކުރެވޭ ކޮންމެ ގޯއްޗަކާއި އެ ގޯތީގައިވާ އިމާރާތްތައް ބިމާބެހޭ ގާނޫނާ ގަވާއިދުގެ ދަށުން ރަޖިސްޓަރީ ކޮށްދޭންވާނެ ކަމަށް ބުނެފައިވާއިރު، އެ އިމާރާތްތައް ރަޖިސްޓަރީ ކުރެވޭނީ އެ އިމާރާތްތަކުގެ މިލްކުވެރިކަން ކޯޓުން ސާބިތުކޮށްގެން ކަމަށްވާއިރު، އަދި އދ. މަހިބަދޫ ރަންބުސްތާނުގެ އެވެ ކިޔާ ގޯތީގައި ހުރި އިމާރާތްތަކަކީ މަރިޔަމް ޢަލީގެ މިލްކު އިމާރާތްތަކެއް ކަމަށްވާއިރު، މިލްކުވެރިކަން ސާބިތުކުރަން އދ. މަހިބަދޫ ކޯޓަށް ހުށަހެޅި މައްސަލަ ބަލައިގެންފައިނުވަނީ އިސްވެ ހަވާލާ ދެވުނު ގާނޫނުތަކާ ޚިލާފަށް މަރިޔަމް ޢަލީގެ ހައްގުތައް ގެއްލޭ ގޮތަށް ކަމަށް ވުން.

މަރިޔަމް ޢަލީގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HC-A/264 ގައި ކުޅަ އިސްތިއުނާފުގެ ދައުވާ ދިވެހިރާއްޖޭގެ ހައިކޯޓުން ބެލުމަށްފަހު ހައިކޯޓުން ކޮށްފައިވާ ހުކުމުގައި ބުނެފައި ވަނީ އދ. މަހިބަދޫ ރަންބުސްތާނުގެ އެވެ ކިޔާ ގޯތީގައި ހުރި އިމާރާތްތަކުގެ މިލްކުވެރިކަން ސާބިތުކުރުމަށް މަރިޔަމް ޢަލީގެ ފަރާތުން އދ. މަހިބަދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅި މައްސަލައަކީ ހައިކޯޓުގެ ނަންބަރު 2012/HC-A/37 ގަޒިއްޔާއިން ބެލި މައްސަލައިގެ މައުލޫއުގައި ގޮތެއް ކަނޑައަޅާފައިވާ މައްސަލައެއްކަން، އެނގެން އޮންނަ ހިނދު، އދ. މަހިބަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު I4C/2014/01 ދައުވާ ފޯމުގެ ޖަވާބުގައި ހަވާލާދީފައިވާ މަރިޔަމް ޢަލީ ހުށަހެޅި ދައުވާ ފޯމަކީ މިލްކުވެރިކަން ސާބިތުކުރުމަށް ހުށަހަޅާފައިވާ ފޯމަކަށް ވާތީވެ، އިސްތިއުނާފީ މަރުހަލާގެ ކޯޓަކުން ނިންމާފައިވާ ނިންމުމަކާ ފުށުއަރާ ގޮތަށް ހުށަހަޅާ މައްސަލަތައް ބަލައިގަތުމުގެ އިޚްތިސާސް އދ. މަހިބަދޫ މެޖިސްޓްރޭޓް ކޯޓަށް ލިބިގެން ނުވާކަމަށް ނިންމާފައިވާ ނިންމުމަކީ ރަނގަޅު ނިންމުމެއް ކަމަށެވެ.

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅުނު އިސްތިއުނާފު

ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HC-A/264 ގަޒިއްޔާގައި ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައިވާ ނިންމުމަކީ ގާނޫނީ ގޮތުން ރަނގަޅު ނޫން ނިންމުމެއް ކަމަށް ބުނެ މަރިޔަމް ޢަލީގެ ފަރާތުން އެ މައްސަލަ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފައި ވެއެވެ. ސުޕްރީމް ކޯޓުގެ މި ގަޒިއްޔާގައި މި ބަލަނީ އެ އިސްތިއުނާފުގެ މައްސަލައެވެ.

ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HC-A/264 ގަޒިއްޔާ އިސްތިއުނާފުކުރުމަށް މަރިޔަމް ޢަލީގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅި ނުކުތާގައި ބުނެފައިވަނީ، ހައިކޯޓުގެ ނަންބަރު 2015/HC-A/264 ގަޒިއްޔާގެ ހުކުމުގެ ފާހަގަކުރެވޭ ނުކުތާތަކުގެ 3 ވަނަ ނަންބަރުގެ (ށ) ގައި ހަވާލާ ދީފައި ވަނީ އދ. މަހިބަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 59/I-4-C/2010 ގަޒިއްޔާ އިސްތިއުނާފުކުރުމަށް އެދި ޢަބްދުލްމުޙްސިންގެ ފަރާތުން ހުށަހެޅުމުން ބެލެވުނު ހައިކޯޓުގެ ގަޒިއްޔާއަކަށް ހަވާލާދީ މަހިބަދޫ ކުރީގެ އަތޮޅު އޮފީހުން މަރިޔަމް ޢަލީގެ ނަމުގައި ހަދާދީފައިވާ ނަންބަރު 26/2001/ގ/4-I ގޯތީގެ ރަޖިސްޓްރީއަކީ ބާތިލު ރަޖިސްޓަރީއެއް ކަމަށް ކަނޑައަޅައި ހައިކޯޓުން ކޮށްފައިވާ ހައިކޯޓުގެ 2012/HC-A/37 ގަޒިއްޔާގެ ހުކުމަށް ކަމަށާއި، އެހެންކަމުން އެ ގަޒިއްޔާއަކީ ރަންބުސްތާނުގެ ގޯތީގައިވާ މަރިޔަމް ޢަލީގެ އިމާރާތްތަކުގެ މިލްކުވެރިކަން ސާބިތުކުރުމަށް ހުށަހަޅާފައިވާ މައްސަލައެއް ނޫން ކަމަށާއި، އެއީ ޢަބްދުލްމުޙްސިން އެ ގޯތީގެ ރަޖިސްޓަރީ ބާތިލުކުރުމަށް ހުށަހެޅި މައްސަލައެއްކަން އެނގޭއިރު، އިސްވެ ބުނެވުނު ހައިކޯޓުގެ 2012/HC-A/37 ގަޒިއްޔާގައި އެ އިމާރާތްތަކުގެ މިލްކުވެރިކަން ސާބިތުކުރުމާބެހޭ ގޮތުން ގޮތެއް ކަނޑައަޅާފައި ނުވާއިރު، ގޯތީގެ ރަޖިސްޓަރީއާ އަޅުވައި މަރިޔަމް ޢަލީގެ އިމާރާތްތަކުގެ މިލްކުވެރިކަން ސާބިތުކުރުމަށް ހުށަހެޅުމުން އދ. މަހިބަދޫ ކޯޓުން އެ މައްސަލަ ބަލައި ނުގަންނަން ނިންމި ނިންމުމަށް ހައިކޯޓުން ތާއީދުކޮށްފައި ވަނީ ރަނގަޅަށް ނޫން ކަމަށެވެ.

މަރިޔަމް ޢަލީގެ ފަރާތުން ސުޕްރީމް ކޯޓުގެ ޝަރީއަތުގެ މަޖިލީހުގައި ބުނެފައިވަނީ މިލްކު ސާބިތުކުރުމުގެ މައްސަލައަކީ ވަކި ބާވަތެއްގެ މައްސަލައެއް ކަމަށާއި، އެ ގޯތީގައި އޭނާގެ އިމާރާތްތައް ފިޔަވައި އެހެން އެއްވެސް ފަރާތެއްގެ މިލްކެއް ނެތް ކަމަށާއި، ގާނޫނުއަސާސީގެ 40 ވަނަ މާއްދާއަށް ބަލާއިރު އޭނާގެ އަމިއްލަ މިލްކިއްޔާތެއްގެ މިލްކުވެރިކަން ސާބިތުނުކުރެވޭނޭ ހަމައެއް ނެތް ކަމަށާއި، ރަޖިސްޓަރީ ބާތިލުކުރުމަކުން އޭނާގެ ގޯތީގައި އޭނާކޮށްފައިވާ އިމާރާތްތަކުގެ މިލްކުވެރިކަން ސާބިތުކުރުމަށް ހުރަސް ނޭޅޭ ކަމަށެވެ. ހައިކޯޓުގެ 2012/HC-A/37 ގަޒިއްޔާގައި ރަންބުސްތާނުގޭ ގޯތީގެ މިލްކުވެރިކަން ސާބިތުކޮށްފައިވާ ކަމަށާއި، މިހާރު ހައިކޯޓުގެ ނަންބަރު 2012/HC-A/37 ގަޒިއްޔާގައި ރަންބުސްތާނުގެއަށް 2001 ވަނަ އަހަރު ހަދާދީފައި އޮތް ރަޖިސްޓަރީ ބާތިލުކޮށްފައި އޮތުމުން މިހާރު އޮތް ހައްލަކީ ބިން ވަކި ފަރާތަކަށް އައްޔަންކުރުން ކަމަށާއި، އެ ގޮތުން ބިން އައްޔަންކުރުމުން މަރިޔަމް ޢަލީ ކޮށްފައިވާ އިމާރާތަށް ބަދަލު ދިނުން ކަމަށް ދައުލަތުގެ ވަކީލު ހައިކޯޓުގެ ޝަރީއަތުގެ މަޖިލީހުގައި ބުނި ނަމަވެސް އެއީ ގާނޫނީ ގޮތުން ހަމަޖެހޭ ވާހަކަތަކެއް ނޫން ކަމަށެވެ.

އިސްތިއުނާފު ރައްދުވާ ފަރާތުން ދީފައިވާ ޖަވާބު

އިސްތިއުނާފުކުރާ މަރިޔަމް ޢަލީގެ އިސްތިއުނާފީ ނުކުތާތަކުގެ ޖަވާބުގައި، އދ. މަހިބަދޫ ކައުންސިލްގެ އިދާރާގެ ފަރާތުން ޖަވާބުދާރީވަމުން، އެއިރު އަމަލު ކުރަމުން ދިޔަ އުސޫލުތަކާ އެއްގޮތަށް، އެ އިދާރާ ތަމުސީލުކުރަމުން ދިޔަ އެޓަރނީ ޖެނެރަލްގެ އޮފީހުގެ ފަރާތުން ސުޕްރީމް ކޯޓުގައި ދައްކާފައިވާ ވާހަކަތަކުގެ ޚުލާސާއެއް ތިރީގައި މި ވަނީ އެވެ.

(ހ) އ. އަތޮޅު ކޯޓުގެ ސެކްޝަން 2 ގެ ނަންބަރު 71/އ.ކ2/50 ގަޒިއްޔާއިން އދ. މަހިބަދޫ ރަންބުސްތާނުގޭ ގޯތީގައިވާ ގެއާއި އެ ގޭގެ ބަދިގެއާއި ގެވެހި ކަންވާރާއިވަލުރުއްގަހާއި މި ނޫން ވެސް ހުރި އެއްޗެއްގެ ½ (ދެބައިކުޅައެއްބައި) އޭނާގެ ކާފަދަރި (އިސްތިއުނާފުކުރާ މަރިޔަމް ޢަލީ) އަށް އަޙްމަދު މުޙައްމަދުގެ ފަރާތުން ދީ، އެ ތަންތަނާއި ތަކެތީގެ މިލްކުވެރިކަމުގެ ½ (ދެބައިކުޅައެއްބައި) ގެ މިލްކުވެރިކަން އިސްތިއުނާފުކުރާ މަރިޔަމް ޢަލީއަށް އ. އަތޮޅު ކޯޓުގެ ނަންބަރު 71/އ.ކ2/50 ގަޒިއްޔާއިން ލިބި އެ މިލްކުވެރިކަން ޝަރީއަތުގެ މަގުން ގަރާރުވެފައިވާ ކަމަށް ދައުލަތުގެ ފަރާތުން އިއުތިރާފުވެފައިވާ ކަން.

(ށ) އދ. މަހިބަދޫ ކޯޓުގެ ނަންބަރު 41/I-13-C/79 ގަޒިއްޔާގެ ދަށުން އަޙްމަދު މުޙައްމަދު އޭނާގެ ކާފަދަރި މަރިޔަމް ޢަލީއަށާއި މަރިޔަމް ޢަލީގެ ފިރި ޢަލީ މުޙައްމަދުއަށް ހިބައިން ދީފައިވާ މުދަލުގެ ތެރޭގައި އދ. މަހިބަދޫ ރަންބުސްތާނުގެ އާއި އެ ގޯތީގައިވާ އެއްވެސް އިމާރާތެއް ހިމެނިފައި ނުވާކަމަށް ނަންބަރު 2007/HC-A/139 ގަޒިއްޔާގައި ކަނޑައަޅާފައިވާ ކަމަށާއި، އެ ގަޒިއްޔާގެ ހުކުމާމެދު ހިތް ހަމަނުޖެހިގެން ޢަބްދުލްމުޙްސިންގެ ފަރާތުން ނުވަތަ މަރިޔަމް ޢަލީގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފައި ނުވާތީވެ، އެ ގަޒިއްޔާގެ ހުކުމަކީ ނިހާއީ ހުކުމަކަށް ވެފައިވާ ޙުކުމެއް ކަމަށް ދައުލަތުގެ ފަރާތުން ބުނެފައިވޭ.

(ނ) 07 ފެބުރުވަރީ 2001 ގައި މަހިބަދޫ ރަންބުސްތާނުގެއަށް ހަދައިދީފައިވާ ރަޖިސްޓަރީ ހަދައިދީފައި ވަނީ އ. އަތޮޅު ކޯޓުގެ ނަންބަރު 71/އ.ކ2/50 ގަޒިއްޔާއާއި އދ. މަހިބަދޫ ކޯޓުގެ ނަންބަރު 41/I-13-C/79 ގަޒިއްޔާ އަސްލަކަށް ބަލައިގެން ކަމަށް ވީނަމަވެސް، އދ. މަހިބަދޫ ކޯޓުގެ ނަންބަރު 41/I-13-C/79 ގަޒިއްޔާގެ ދަށުން އަޙްމަދު މުޙައްމަދު އޭނާގެ ކާފަދަރި މަރިޔަމް ޢަލީއަށާއި މަރިޔަމް ޢަލީގެ ފިރި ޢަލީ މުޙައްމަދުއަށް ހިބައިން ދީފައިވާ މުދަލުގެ ތެރޭގައި އދ. މަހިބަދޫ ރަންބުސްތާނުގެ އާއި އެ ގޯތީގައިވާ އެއްވެސް އިމާރާތެއް ހިމެނިފައި ނުވާކަމަށް ނަންބަރު 2007/HC-A/139 ގަޒިއްޔާގައި ހުކުމް ކުރުމުގެ ނަތީޖާއެއްގެ ގޮތުން، ފަހުން ހައިކޯޓުން ބެލި ހައިކޯޓުގެ ނަންބަރު2012/HC-A/37 ގަޒިއްޔާގައި ރަންބުސްތާނުގެއަށް 2001 ވަނަ އަހަރު ހަދާދީފައި އޮތް ނަންބަރު 26/2001/ގ/4-I ގޯތީގެ ރަޖިސްޓްރީ ބާތިލުކޮށްފައި ވާކަން އަދި، ހައިކޯޓުގެ ނަންބަރު 2012/HC-A/37 ގަޒިއްޔާގައި ރަންބުސްތާނުގެއަށް 2001 ވަނަ އަހަރު ހަދާދީފައި އޮތް ނަންބަރު 26/2001/ގ/4-I ގޯތީގެ ރަޖިސްޓްރީ ބާތިލުކުރި ސަބަބެއް ކަމަށް ހައިކޯޓުގެ ހުކުމުގައި ބުނެފައިވަނީ އ. އަތޮޅު ކޯޓުގެ ސެކްޝަން 2 ގެ ނަންބަރު 71/އ.ކ2/50 ގަޒިއްޔާއިން މަހިބަދޫ ރަންބުސްތާނުގެ ގޯތީގައިވާ އިމާރާތްތަކުގެ މިލްކުވެރިކަމުގެ ½ (ދެބައިކުޅައެއްބައި) އޭނާގެ ކާފަދަރި (އިސްތިއުނާފުކުރާ މަރިޔަމް ޢަލީ) އަށް ލިބިފައި އޮތް އޮތުން ފިޔަވައި، ދެން އެ ގޯތީގައި އެއިރު ހުރި އިމާރާތްތަކުގެ މިލްކުވެރިކަން ވަކި ފަރާތަކަށް ހަމަޖެހިފައި ނުވާތީކަމަށް ދައުލަތުގެ ފަރާތުން ބުނެފައިވާކަން އަދި، މިގޮތަށް ކަނޑައެޅި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-A/37 ގަޒިއްޔާ އެއްވެސް ފަރާތަކުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފައި ނުވާ ކަމަށް ދައުލަތުގެ ފުރާތުން ބުނެފައިވޭ.

(ރ) ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-A/37 ގަޒިއްޔާގައި އދ. މަހިބަދޫ ރަންބުސްތާނުގެ ގޯތީގައިވާ އިމާރާތްތަކުގެ މިލްކުވެރިކަމާބެހޭ ގޮތުން ވަކި ގޮތެއް ކަނޑައަޅާފައި ވަނިކޮށް މަރިޔަމް ޢަލީގެ ފަރާތުން އދ. މަހިބަދޫ ރަންބުސްތާނުގެ ގޯތީގައިވާ އިމާރާތްތަކުގެ މިލްކުވެރިކަން ސާބިތުކުރުމަށް އދ. މަހިބަދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުމުން އެ ހުށަހެޅުމަކީ ހައިކޯޓުގެ ނަންބަރު 2012/HC-A/37 ގަޒިއްޔާގައި ގޮތް ކަނޑައަޅާފައިވާ ކަމަކަށް ވާތީ އެ ކޯޓުން އެ މައްސަލަ ބަލައިގަނެވެން ނެތް ކަމަށާއި، އދ. މަހިބަދޫ މެޖިސްޓްރޭޓް ކޯޓުގެ އެ ނިންމުމަށް ތާއީދުކޮށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HC-A/264 ގައި ކުޅަ އިސްތިއުނާފުގެ ދައުވާ ދިވެހިރާއްޖޭގެ ހައިކޯޓުން ބެލުމަށްފަހު ހައިކޯޓުން ކޮށްފައިވާ ހުކުމުގައި މަހިބަދޫ ރަންބުސްތާނުގެ އެވެ ކިޔާ ގޯތީގައި ހުރި އިމާރާތްތަކުގެ މިލްކުވެރިކަން ސާބިތުކުރުމަށް މަރިޔަމް ޢަލީގެ ފަރާތުން އދ. މަހިބަދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅި މައްސަލައަކީ ހައިކޯޓުގެ ނަންބަރު 2012/HC-A/37 ގަޒިއްޔާއިން ބެލި މައްސަލައިގެ މައުލޫގައި ގޮތެއް ކަނޑައަޅާފައިވާ މައްސަލައެއް ކަމަށް ވާތީވެ، އިސްތިއުނާފީ މަރުހަލާގެ ކޯޓަކުން ނިންމާފައިވާ ނިންމުމަކާ ފުށުއަރާ ގޮތަށް ހުށަހަޅާފައިވާ މައްސަލަތައް ބަލައިގަތުމުގެ އިޚްތިސާސް މަހިބަދޫ މެޖިސްޓްރޭޓް ކޯޓަށް ލިބިގެން ނުވާކަމަށް ހައިކޯޓުން ނިންމާފައިވާ ނިންމުމަކީ ރަނގަޅު ނިންމުމެއް ކަމަށް ދައުލަތުގެ ފަރާތުން ސުޕްރީމް ކޯޓުގައި ބުނެފައިވޭ.

މީގެ ކުރިން ޝަރީއަތަށް ސާބިތުވެ ނިހާއީ ހުކުމުގެ ބާރު ލިބިފައިވާ ވާގިއާތައް

އ. އަތޮޅު ކޯޓުގެ ސެކްޝަން 2 ގެ ނަންބަރު 71/އ.ކ2/50 ގަޒިއްޔާއިން އދ. މަހިބަދޫ ރަންބުސްތާނުގެ ގޯތީގައިވާ އަޙްމަދު މުޙައްމަދުގެ ގެއާއި އެ ގޭގެ ބަދިގެއާއި ގެވެހި ކަންވާރާއި ވަލުރުއްގަހާއި މިނޫންވެސް ހުރި އެއްޗެއްގެ ½ (ދެބައިކުޅައެއްބައި) އޭނާގެ ކާފަދަރި (އިސްތިއުނާފުކުރާ މަރިޔަމް ޢަލީ) އަށް އެ ފަރާތުން ދީ، އެތަންތަނާއި ތަކެތީގެ މިލްކުވެރިކަމުގެ½ (ދެބައިކުޅައެއްބައި) ގެ މިލްކުވެރިކަން އިސްތިއުނާފުކުރާ މަރިޔަމް ޢަލީއަށް އ. އަތޮޅު ކޯޓުގެ ނަންބަރު 71/އ.ކ2/50 ގަޒިއްޔާއިން ލިބި އެ މިލްކުވެރިކަން ޝަރީއަތުގެ މަގުން ގަރާރުވެފައިވެއެވެ. ވީމާ، މަހިބަދޫ ރަންބުސްތާނުގެ ގޯތީގައިވާ އަޙްމަދު މުޙައްމަދުގެ ގެއާއި އެގޭގެ ބަދިގެއާއި ގެވެހި ކަންވާރާއި ވަލުރުއްގަހާއި މިނޫންވެސް ހުރި އެއްޗެއްގެ ½ (ދެބައިކުޅައެއްބައި) ގެ މައްޗަށް މަރިޔަމް ޢަލީއަށް ލިބިފައިވާ މިލްކުވެރިކަމަކީ މަރިޔަމް ޢަލީގެ ކިބައިން އެއްވެސް ހާލެއްގައި ނިގުޅައިގަނެވޭނެ ހައްގެއް ނޫނެވެ. އެހެންވުމުން، އަދި އދ. މަހިބަދޫ ރަންބުސްތާނުގެ ގޯތީގައިވާ އެންމެހާ އިމާރާތްތަކުގެ ½ (ދެބައިކުޅައެއްބައި) ގެ މިލްކުވެރިކަން މަރިޔަމް ޢަލީގެ ކިބައިން ބީވެގެންދާނޭ ހާލަތެއް މެދުވެރިވެފައި ނުވާތީވެ، އެ މިލްކުވެރިކަން މަރިޔަމް ޢަލީގެ މައްޗަށް މިހާރު ވެސް އެބައޮތެވެ.

އދ. މަހިބަދޫ ކޯޓުގެ ނަންބަރު 41/I-13-C/79 ގަޒިއްޔާގެ ދަށުން އަޙްމަދު މުޙައްމަދު އޭނާގެ ކާފަދަރި މަރިޔަމް ޢަލީއަށާއި މަރިޔަމް ޢަލީގެ ފިރި ޢަލީ މުޙައްމަދުއަށް 1979 ގައި ހިބައިން ދީފައިވާ މުދަލުގެ ތެރޭގައި މަހިބަދޫ ރަންބުސްތާނުގެ އާއި އެ ގޯތީގައިވާ އެއްވެސް އިމާރާތެއް ހިމެނިފައި ނުވާކަމަށް ހައިކޯޓުގެ ނަންބަރު 2007/HC-A/139 ގަޒިއްޔާގައި ދިވެހިރާއްޖޭގެ ހައިކޯޓުން ހުކުމްކުރުމުން އެއްވެސް ފަރާތަކުން އެކަން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައިނުވާތީވެ، ހައިކޯޓުގެ އެ ނިންމުމަކީ ނިހާއީ ހުކުމެއްގެ ބާރުލިބިފައިވާ ނިންމުމެކެވެ.

އދ. މަހިބަދޫ ރަންބުސްތާނުގެ އެވެ ކިޔާ ގޯއްޗަށް "ރަންބުސްތާނުގެ" ނުވަތަ "މަސްފިހާގެ" ނަމުގައި މަހިބަދޫ ރަންބުސްތާނުގެ އަޙްމަދު މުޙައްމަދުއާ އެ ގޯތި ހަވާލުކުރެވި އޭނާގެ ނަމުގައި ދައުލަތުން އެ ގޯތި ރަޖިސްޓަރީ ކޮށްދީފައިވޭތޯ ބެލުމަށް އދ. މަހިބަދޫ އޮފީހަށް ދިވެހިރާއްޖޭގެ ހައިކޯޓުން ލިޔުމުން އެ ސިޓީގެ ޖަވާބުގައި މަހިބަދޫ އޮފީހުން ހައިކޯޓަށް ފޮނުވި ނަންބަރު I-4C/2009/62 (08 ސެޕްޓެންބަރު 2009) ސިޓީގައި އަޙްމަދު މުޙައްމަދުގެ ނަމުގައި އެ ގޯއްޗަށް ރަޖިސްޓަރީއެއް ހަދާދީފައި ނުވާ ކަމަށް ބުނި ނަމަވެސް، މަހިބަދޫ ރަންބުސްތާނުގެ ގޯއްޗަކީ އޭނާއަށް ދައުލަތުން ހަވާލުކޮށްފައިވާ ގޯއްޗެއް ކަމާއި، އ. އަތޮޅު ކޯޓުގެ ނަންބަރު 71/އ.ކ2/50 ގަޒިއްޔާ ނިންމުމުގެ ކުރިން މަހިބަދޫ ރަންބުސްތާނުގެ ގޯތީގައި ހުރި އެންމެހާ އިމާރާތްތަކާއި ވަޅުފަދަ ތަންތަނަކީ އަޙްމަދު މުޙައްމަދުގެ މިލްކިއްޔާތުކަން އ. އަތޮޅު ކޯޓުގެ ނަންބަރު 71/އ.ކ2/50 ގަޒިއްޔާއިން ސާބިތުވެއެވެ. އދ. މަހިބަދޫ ރަންބުސްތާނުގެ ގޯތި ދައުލަތުން ހަވާލުކޮށްފައިވަނީ އަޙްމަދު މުޙައްމަދުއަށް ކަމަށް ނުވާނަމަ، އަދި އެ ގޯތީގައި ވަނީ އަޙްމަދު މުޙައްމަދުގެ މިލްކު އިމާރާތްތަކެއް ކަމަށް ނުވާނަމަ އ. އަތޮޅު ކޯޓުގެ ނަންބަރު 71/އ.ކ2/50 ގަޒިއްޔާއިން މަހިބަދޫ ރަންބުސްތާނުގެ ގޯތީގައިވާ އަޙްމަދު މުޙައްމަދުގެ ގެއާއި އެ ގޭގެ ބަދިގެއާއި ގެވެހި ކަންވާރާއި ވަލުރުއްގަހާއި މި ނޫން ވެސް ހުރި އެއްޗެއްގެ ½ (ދެބައިކުޅައެއްބައި) އޭނާގެ ކާފަދަރި މަރިޔަމް ޢަލީއަށް ހިބައިން ދިނުމަށް އ. އަތޮޅު ކޯޓުން މައްސަލަ ހިންގާފައި ނުވާނެއެވެ. އެހެންކަމުން، މަހިބަދޫ ރަންބުސްތާނުގެ ގޯއްޗަކީ އޭނާއަށް ދައުލަތުން ހަވާލުކޮށްފައިވާ ގޯއްޗެއް ކަމާއި، އ. އަތޮޅު ކޯޓުގެ ނަންބަރު 71/އ.ކ2/50 ގަޒިއްޔާ ނިންމުމުގެ ކުރިން މަހިބަދޫ ރަންބުސްތާނުގެ ގޯތީގައި ހުރި އެންމެހާ އިމާރާތްތަކާއި ވަޅުފަދަ ތަންތަނަކީ އަޙްމަދު މުޙައްމަދުގެ މިލްކިއްޔާތު ކަމާމެދު ސުވާލު އުފައްދާނެ ތަނެއް ނެތެވެ. އަދި ކުރިންވެސް ބަޔާންކުރި ފަދައިން އަޙްމަދު މުޙައްމަދު ކުޅަ ހިބައަކުން އ. އަތޮޅު ކޯޓުގެ ނަންބަރު 71/އ.ކ2/50 ގަޒިއްޔާއިން އދ. މަހިބަދޫ ރަންބުސްތާނުގެ ގޯތީގައިވާ އެންމެހާ އިމާރާތްތަކާއި ވަޅުފަދަ ތަންތަނުގެ ½ (ދެބައިކުޅައެއްބައި) ގެ މިލްކުވެރިކަން މަރިޔަމް ޢަލީއަށް ލިބިފައިވެއެވެ.

އ. އަތޮޅު ކޯޓުގެ ނަންބަރު 71/އ.ކ2/50 ގަޒިއްޔާއިން މަހިބަދޫ ރަންބުސްތާނުގެ ގޯތީގައި ހުރި އަޙްމަދު މުޙައްމަދުގެ އިމާރާތްތަކާއި ވަޅުފަދަ ތަންތަނުގެ މިލްކުވެރިކަމުގެ ½ (ދެބައިކުޅައެއްބައި) އަޙްމަދު މުޙައްމަދުގެ މިލްކުން ކަނޑައި އޭނާގެ ކާފަދަރި މަރިޔަމް ޢަލީއަށް ދިނުމުން، ރަންބުސްތާނުގެ ގޯތީގައި ބާކީ ދެން ހުރި އިމާރާތްތަކާއި ވަޅުފަދަ ތަންތަނުގެ ½ (ދެބައިކުޅައެއްބައި) އަދިވެސް މިލްކުވެގެންވަނީ އަޙްމަދު މުޙައްމަދުއަށް ކަން އެނގެއެވެ.

މިހާރު އަޙްމަދު މުޙައްމަދު ނިޔާވެފައިވުމާއެކު ރަންބުސްތާނުގެ ގޯތީގައިވާ އިމާރާތްތަކާއި ވަޅުފަދަ ތަންތަނުން އަޙްމަދު މުޙައްމަދުއަށް މިލްކުވެގެންވާ ބައި ލިބޭނީ އޭނާގެ ވާރިސުންނަށް ކަމަށްވާތީވެ، އެ ބައިގެ މިލްކުވެރިކަން ހަމަޖެހިގެންދާނީ އަޙްމަދު މުޙައްމަދުގެ ތަރިކައިގެ މައްސަލައިގެ ތެރެއިންނެވެ.

ވީމާ، ރަންބުސްތާނުގެ ގޯތީގައިވާ އިމާރާތްތަކާއި ވަޅުފަދަ ތަންތަނުން އަޙްމަދު މުޙައްމަދުއަށް މިލްކުވެގެންވާ ބައިގެ މިލްކުވެރިކަން ތަރިކައިގެ އުސޫލުން ވާރިސުންގެ މެދުގައި ހަމަޖެއްސުމަށް އދ. މަހިބަދޫ މެޖިސްޓްރޭޓް ކޯޓަށް އަޙްމަދު މުޙައްމަދުގެ ވާރިސުންގެ ފަރާތުން ހުށަހެޅުމުން، އޭނާގެ ވާރިސުންގެ ތެރެއިން ތަރިކައިން މުދާލިބިގެން ދިވެހިރާއްޖޭގެ ބިމާބެހޭ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ބިމުން ބައެއް ލިބުން ހައްގުވާ ފަރާތެއް ހުރި ނަމަ، އެ ފަރާތާއި މި މައްސަލަ އިސްތިއުނާފުކުރި މަރިޔަމް ޢަލީގެ ނަމުގައި މަހިބަދޫ ރަންބުސްތާނުގެ ގޯއްޗާއި އެ ގޯތީގައިވާ އިމާރާތްތައް ރަޖިސްޓަރީކޮށް ދިނުމަށް ކަމާބެހޭ ފަރާތްތަކަށް އަންގައި އެ ގޮތަށް މި ގަޒިއްޔާގައި ހުކުމް ކުރުމަށް ފެނެއެވެ.

މިހާރު މަހިބަދޫ ރަންބުސްތާނުގެ ގޯތީގައިވާ މިހާރު ހުރި އެންމެހާ އިމާރާތްތައް ހަދާފައިވަނީ އޭނާ ކަމަށް މަރިޔަމް އަލީ ބުނި ނަމަވެސް، އެ ގޯތީގައިވާ އަސްލު އިމާރާތްތަކާއި ވަޅުފަދަ ތަންތަނުގެ މިލްކުވެރިކަމުގެ ½ (ދެބައިކުޅައެއްބައި) އޮތީ އަޙްމަދު މުޙައްމަދުއަށް ކަމަށް ވުމާއެކު، އަދި އެ ގޯތީގައިވާ އިމާރާތްތަކުގެ މިލްކުވެރިކަމުގެ އަނެއް ½ (ދެބައިކުޅައެއްބައި) ގެ މިލްކުވެރިކަން އޮތީ މަރިޔަމް ޢަލީގެ މައްޗަށްކަމަށް ވުމާއެކު، ފަހުން އެ ގޯތީގައި މަރިޔަމް ޢަލީ އިމާރާތް ކޮށްފައިވީ ނަމަވެސް، އެ ގޯތީގައި ހަދާ އިމާރާތްތަކުގެ ½ (ދެބައިކުޅައެއްބައި) އަކީ ތަބައްރުއުގެ އުސޫލުން އަޙްމަދު މުޙައްމަދުގެ މިލްކިއްޔާތުގެ ތެރެއަށް (ތަރިކައިގެ ތެރެއަށް) އިތުރުވެގެން ގޮސްފައިވާ ބައެއް ކަމަށް ބަލަން ޖެހެއެވެ.

ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންގެ ރައުޔު

މި މައްސަލައިގައި ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްގެ ރައުޔު

މި މައްސަލައިގައި ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

ޙުކުމް

ދެންފަހެ، މަތީގައި ބަޔާންކުރެވުނު ސަބަބުތައް އެހެން ހުރުމުން:

(1)ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HC-A/264 ހުކުމާއި އެ ގަޒިއްޔާގައި އިސްތިއުނާފުކުރެވުނު އދ. މަހިބަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު I4C/2014/01 ދައުވާ ފޯމުގެ ޖަވާބުގައި ނިންމާފައިވާ ނިންމުން މި މައްސަލަ ބެލި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އިއްތިފާގުން ބާތިލުކޮށްފީމެވެ.

(2) ރަންބުސްތާނުގެ ގޯތީގައިވާ އިމާރާތްތަކާއި ވަޅުފަދަ ތަންތަނުން އަޙްމަދު މުޙައްމަދުއަށް މިލްކުވެގެންވާ ބައި ލިބޭނީ އޭނާގެ ވާރިސުންނަށް ކަމަށް ވާތީވެ، އެ ބައިގެ މިލްކުވެރިކަން ހަމަޖެހިގެން ދާނީ އަޙްމަދު މުޙައްމަދުގެ ތަރިކައިގެ މައްސަލައިގެ ތެރެއިން ކަމަށް ވާތީވެ، ރަންބުސްތާނުގެ ގޯތީގައިވާ އިމާރާތްތަކާއި ވަޅުފަދަތަންތަނުން އަޙްމަދު މުޙައްމަދުއަށް މިލްކުވެގެންވާ ½ (ދެބައިކުޅައެއްބައި) ތަރިކައިގެ އުސޫލުން ވާރިސުންގެ މެދުގައި ހަމަޖެއްސުމަށް އދ. މަހިބަދޫ މެޖިސްޓްރޭޓް ކޯޓަށް އަޙްމަދު މުޙައްމަދުގެ ވާރިސަކު ނުވަތަ ވާރިސުންގެ ފަރާތުން ހުށަހަޅައިފިނަމަ އެ ބައިގެ ތަރިކައިގެ މައްސަލަ ބެލުމަށް މަހިބަދޫ މެޖިސްޓްރޭޓް ކޯޓަށް އަންގަމެވެ.

(3) އަޙްމަދު މުޙައްމަދުގެ ވާރިސުންގެ ތެރެއިން އޭނާގެ ތަރިކައިން އދ. މަހިބަދޫ ރަންބުސްތާނުގޭގައިވާ ނުއުފުލޭ މުދާ ލިބިގެން ދިވެހިރާއްޖޭގެ ބިމާބެހޭ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ބިމުން ބައެއް ލިބުން ހައްގުވާ ފަރާތެއް ނުވަތަ ފަރާތްތަކެއް ތިބިނަމަ އެ ފަރާތާއި މި މައްސަލަ އިސްތިއުނާފުކުރި މަރިޔަމް ޢަލީގެ ނަމުގައި އދ. މަހިބަދޫ ރަންބުސްތާނުގެ ގޯއްޗާއި އެ ގޯތީގައިވާ އިމާރާތްތައް ދިވެހިރާއްޖޭގެ ބިމާބެހޭ ގާނޫނުގައިވާ ގޮތުގެ މަތިން ރަޖިސްޓަރީކޮށް ދިނުމަށް ދައުލަތުގެ ކަމާބެހޭ ފަރާތްތަކަށް މި މައްސަލަ ބެލި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އިއްތިފާގުން އަންގަމެވެ.

މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ:

ޙުސްނުއްސުޢޫދު ޢަލީ ރަޝީދު ޙުސައިން މުޙައްމަދު އިބްރާހީމް

(ރިޔާސަތު)

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ޝެއަރ ކުރައްވާ