ދިވެހިރާއްޖޭގެ މަތީ މަރުޙަލާގެ ކޯޓުތަކުން ކަނޑައަޅާފައިވާ ޤާނޫނީ އުޞޫލުތައް

Maldives Legal Precedents

Saeed Lex
2019/SC-A/24ސުޕްރީމް ކޯޓު · 19 ނޮވެމްބަރު 2020

މުޙައްމަދު ވަސީމް ވ. ސިވިލް ސަރވިސް ކޮމިޝަން

ސުޕްރީމް ކޯޓު
ފަހުގެ ޙުކުމެއްގައި ޙަވާލާދީފައެއް ނުފެނޭޙުކުމުގެ ހާލަތު
ސުޕްރީމް ކޯޓު · 19 ނޮވެމްބަރު 2020ބާވަތް: ވަޒީފާއާބެހޭ

ޚުލާޞާ

ޚުލާޞާ ނެތް.

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
—
ފަހުގެ ތާރީޚު
—

ނިންމުން

—

ކޯ ޓާމްސް

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

މި ލިޔުމުން އުޞޫލެއް ނުނެގުނު.

ފަނޑިޔާރުން

ބެންޗު
—
ޚިލާފު ރައުޔު
ނެތް

ޝަރީޢަތުގެ ވީޑިއޯ

ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.

ޝަރީޢަތް ނިމުނު ގޮތް

ޤަޟިއްޔާ ނަންބަރު:

2019/SC-A/24

އިސްތިއުނާފު ކުރާ ފަރާތް:

މުޙައްމަދު ވަސީމް

އިސްތިއުނާފު ރައްދުވާ ފަރާތް:

ސިވިލް ސަރވިސް ކޮމިޝަން

މައްސަލައިގެ ބާވަތް:

ވަޒީފާއާ ބެހޭ

މައްސަލަ އައިގޮތް:

އިސްތިއުނާފު ކުރުމުގެ ހުއްދައަށް އެދި ހުށަހަޅާ ފޯމުން

ހުށަހެޅުނު ތާރީޚު:

18 ޑިސެމްބަރ 2018ރަޖިސްޓްރީ ކުރެވުނު ތާރީޚު:

02 އޭޕްރިލް 2019ނިމުނު ތާރީޚު:

19 ނޮވެމްބަރ 2020މައްސަލަބެލި ފަނޑިޔާރުންގެ މަޖިލިސް:

ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދު، ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު، ފަނޑިޔާރު ޙުސްނުއްސުޢޫދުއިސްތިއުނާފު ކުރެވުނު ޤަޟިއްޔާ

ނަންބަރު:

2016/HC-A/63

ރަޖިސްޓްރީ ކުރެވުނު ތާރީޚު:

11 ފެބްރުއަރީ 2016ނިންމި ކޯޓު:

ދިވެހިރާއްޖޭގެ ހައިކޯޓު

ނިމުނު ތާރީޚު:

10 އޮކްޓޯބަރ 2018ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔު (ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު އަދި ފަނޑިޔާރު ޙުސްނުއްސުޢޫދު ތާއީދު ކުރައްވާފައި)

ތަޢާރުފު

މިއީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު2016/HC-A/63 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށްޓަކައި މުޙައްމަދު ވަސީމް މާލެ (މީގެފަހުން "އިސްތިއުނާފު ކުރާ ފަރާތް" ނުވަތަ "ވަޒީފާއަދާކުރާ ފަރާތް") ގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅުމުން، މި ކޯޓުން ބެލި އިސްތިއުނާފީ މައްސަލައެކެވެ. މި ޤަޟިއްޔާގައި ކޯޓުން ގޮތެއް ނިންމަންޖެހޭ މައިގަނޑު ކަމަކީ، މުޙައްމަދު ވަސީމް އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުގައި އަދާކުރަމުން ގެންދިޔަ ވަޒީފާއިން ވަކިކުރީ ޤާނޫނާ އެއްގޮތަށްކަން ނުވަތަ ނޫންކަމެވެ.

ކަންހިނގާފައިވާ ގޮތް

ވަޒީފާއަދާކުރާ ފަރާތް ނުވަތަ އިސްތިއުނާފު ކުރާ ފަރާތަކީ 2 ޖުލައި 1998 އިން ފެށިގެން މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީގައި އޭވިއޭޝަން ސެކިއުރިޓީގައި މަސައްކަތް ކުރަމުންދިޔަ ފަރާތެކެވެ. 01 ޖަނަވަރީ 2013 ގައި އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑު އުފެދުމާ ގުޅިގެން މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީގެ އޭވިއޭޝަން ސެކިއުރިޓީ މުވައްޒަފުން (މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީގެ) ސިވިލް ސަރވިސްގެ މުވައްޒަފުންގެ ގޮތުގައި ބަދަލުކުރިއިރު، އިސްތިއުނާފުކުރާ ފަރާތްވެސް ވަނީ ސިވިލް ސަރވިސްގެ ދަށުން ހިނގާ އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑަށް، އެވްސެކް ކޯޕަރަލް ރޭންކުގައި ބަދަލުކޮށްފައެވެ.

އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުގެ ބައެއް މަޤާމުތައް އުވާލާނެކަމަށް 15 މާރިޗު 2015 ގައި އިޢުލާނުކުރުމަށްފަހު، 18 މާރިޗު 2015 ގައި ވަޒީފާއަދާކުރާ ފަރާތް ހުރި ރޭންކުގެ މުވައްޒަފުން މަދުކުރުމަށް ނިންމާފައިވާ ކަމަށާއި، އޭނާއަށް އެހެން ވަޒީފާއެއް ހަމަޖެއްސޭތޯ ބަލަމުން ގެންދާކަމަށް ވަޒީފާއަދާކުރާ ފަރާތަށް އަންގައިފައިވެއެވެ. އަދި އޭގެ ފަހުން، 06 މެއި 2015 ގައި ވަޒީފާއަދާކުރާ ފަރާތް ވަޒީފާއިން ވަކިކޮށްފައިވެއެވެ.

ވަޒީފާއަދާކުރާ ފަރާތް ވަޒީފާއިން ވަކިކުރި ކަމުގެ ލިޔުމުގައި ވަނީ ވަޒީފާއަދާކުރާ ފަރާތް ވަޒީފާއިން ވަކިކޮށްފައިވަނީ މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނެޝަނަލް ސެކިއުރިޓީއަށް، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (މީގެ ފަހުން "އެމް.އެން.ޑީ.އެފް") އަދި މޯލްޑިވްސް ޕޮލިސް ސަރވިސްއިން ދީފައިވާ ސިއްރު މަޢުލޫމާތުތަކުގެ މައްޗަށް ބިނާކޮށް، ޤައުމީ ސަލާމަތާއި ރައްކާތެރިކަމުގެ ވަޒީފާއެއްގައި ހުންނަ މުވައްޒަފެއްގެ މައްޗަށް އޮންނަންޖެހޭ އިތުބާރު ގެއްލިފައިވާތީ، ދިވެހި ސިވިލް ސަރވިސްގެ ގަވާއިދު 2014 ގެ 273 ވަނަ މާއްދާގެ (ށ) އަށް ރިޢާޔަތްކޮށް، ޤާނޫނު ނަންބަރު 2007/5 (ދިވެހި ސިވިލް ސަރވިސްގެ ޤާނޫނު) ގެ 47 ވަނަ މާއްދާގެ (ނ) ގެ 3 ވަނަ ނަންބަރުގެ ދަށުންކަމަށެވެ.

ވަޒީފާއަދާކުރާ ފަރާތް ވަޒީފާއިން ވަކިކުރީ ޤާނޫނާ ޚިލާފަށް ކަމަށް ކަނޑައަޅައި ދިނުމަށާއި، އޭނާ އަދާކުރަމުންދިޔަ ވަޒީފާ އަލުން އިޢާދަކޮށްދިނުމަށާއި، އޭނާއަކީ އެއްވެސް ހާލެއްގައި ވަޒީފާއިން ވަކިވެފައިވާ މީހެއްކަމަށް ނުބެލުމަށާއި، އަދި ވަޒީފާއިން ވަކިކުރި ދުވަހުން ފެށިގެން ވަޒީފާ އަލުން ލިބޭ ދުވަހާ ހަމައަށް ލިބެންޖެހޭ މުސާރައާއި ޢިނާޔަތްތައް އެކީ އެއްފަހަރާ ލިބިދިނުމަށް އެދި ސިވިލް ސަރވިސް ކޮމިޝަނަށް ރައްދުވާގޮތަށް 10 ޖޫން 2015 ގައި ވަޒީފާއާބެހޭ ޓްރައިބިއުނަލް (މީގެ ފަހުން "ޓްރައިބިއުނަލް") އަށް އިސްތިއުނާފު ކުރާ ފަރާތް މައްސަލައެއް ހުށަހަޅާ، އެ މައްސަލަ ޓްރައިބިއުނަލްގެ ނަންބަރު 67/VTR/2015 މައްސަލައިގެ ގޮތުގައި ހިންގާފައިވެއެވެ.

އިސްތިއުނާފުކުރެވޭ މައްސަލަ ޓްރައިބިއުނަލުން ނިންމާފައިވާ ގޮތް

ޓްރައިބިއުނަލުގެ ނަންބަރު 67/VTR/2015 މައްސަލައިގައި އެ ޓްރައިބިއުނަލުން ނިންމާފައިވަނީ ވަޒީފާއަދާކުރާ ފަރާތް ވަޒީފާއިން ވަކިކޮށްފައިވަނީ އޭނާގެ މައްޗަށް އޮތް އިތުބާރު ގެއްލިފައިވާތީ، ދިވެހި ސިވިލް ސަރވިސްގެ ޤަވާއިދުގެ ދަށުން އެއްވެސް ނޯޓިހެއް ދިނުމަކާނުލައި ކަމުގައި ސިވިލް ސަރވިސް ކޮމިޝަންގެ ފަރާތުން ބުނިނަމަވެސް، އެފަދައިން ވަޒީފާއަދާކުރާ ފަރާތް ކޮށްފައިވާ ކަމެއް ސިވިލް ސަރވިސް ކޮމިޝަނަށް ދެއްކިފައިނުވާތީ، އަދި ވަޒީފާއަދާކުރާ ފަރާތް ވަޒީފާއިން ވަކިކުރިއިރު، އިޖުރާއީގޮތުން ފުރިހަމަ ކުރަންޖެހޭ ކަންކަން ފުރިހަމަ ކޮށްފައިނުވާތީ، މައްސަލަ ބެލި މަޖިލީހުގެ މެންބަރުންގެ އިއްތިފާޤުން، ވަޒީފާއަދާކުރާ ފަރާތް ވަޒީފާއިން ވަކިކޮށްފައިވަނީ ޤާނޫނު ނަންބަރު 2008/2 (ވަޒީފާއާބެހޭ ޤާނޫނު) އާ ޚިލާފަށްކަމަށް ކަނޑައަޅައި، އެ ފަރާތުން އަދާކުރަމުންދިޔަ ވަޒީފާގައި އަލުން ބެހެއްޓުމަށާއި، އޭނާއަކީ އެއްވެސް ޙާލެއްގައި ވަޒީފާއިން ވަކިވެފައިވާ މީހެއްކަމަށް ނުބެލުމަށާއި، ވަޒީފާއިން ވަކިކުރެވުނު ތާރީޚުން ފެށިގެން އޭނާގެ ވަޒީފާ އަލުން ހަމަޖެހޭ ދުވަހާ ހަމައަށް ލިބެންވާ މުސާރައާއި ޢިނާޔަތްތަކުގެ ގޮތުގައި ދޭންޖެހޭ ފައިސާ ދިނުމާއެކު އޭނާގެ ވަޒީފާއާގުޅޭ އެންމެހައި ކަންކަން 29 ނޮވެންބަރު 2015 އިން ފެށިގެން 15 (ފަނަރަ) ދުވަހުގެ ތެރޭގައި ހަމަޖެއްސުމަށްފަހު، އެކަން ހަމަޖެހޭތާ 3 (ތިނެއް) ދުވަހުގެ ތެރޭގައި ޓްރައިބިއުނަލަށް ލިޔުމުން އެންގުމަށް ސިވިލް ސަރވިސް ކޮމިޝަނަށް އަންގާ އަމުރުކޮށެވެ.

އިސްވެ ބަޔާންކޮށްފައިވާ ގޮތަށް ޓްރައިބިއުނަލުން ނިންމާފައިވަނީ އަންނަނިވި ކަންކަމުގެ މައްޗަށް ބިނާކޮށްކަން، ޓްރައިބިއުނަލްގެ ނަންބަރު 67/VTR/2015 މައްސަލަ ނިމުނުގޮތުގެ ރިޕޯޓުން އެނގެން އޮވެއެވެ.

ވަޒީފާއަދާކުރާ ފަރާތް ވަޒީފާއިން ވަކިކޮށްފައިވަނީ، އެމް.އެން.ޑީ.އެފްގެ ސްޕެޝަލް އެސެސްމަންޓް ޔުނިޓުގެ ނަންބަރު IA26-2015-0015 (06 އެޕްރީލް 2015) "އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުގައި މަސައްކަތްކުރާ މުވައްޒަފުންގެ ސެކިއުރިޓީ އެސެސްމަންޓް" (މީގެ ފަހުން "ސެކިއުރިޓީ އެސެސްމަންޓް") ގެ މައްޗަށް ބިނާކޮށް ކަމުގައި ބުނާއިރު، ވަޒީފާއަދާކުރާ ފަރާތުގެ ޢަމަލުތަކުގެ ސަބަބުން ޤައުމީ ސަލާމަތަށް ނުރައްކާތެރި ޙާލަތެއް އޮތްކަމުގައިވާނަމަ، އެފަދަ ޢަމަލަކީ ޖިނާޢީ ކުށެއް ކަމުގައިވާހިނދު، އެކަމުގެ މައްޗަށް އެއްވެސް ތަޙުޤީޤެއް ކޮށްފައިވާކަން އެނގެން ނެތްކަން؛

ވަޒީފާއަދާކުރާ ފަރާތް ވަޒީފާއިން ވަކިކޮށްފައިވަނީ، ސެކިއުރިޓީ އެސެސްމަންޓްގައިވާ ކަންތައްތަކަށް ބިނާކޮށް ކަމަށް ސިވިލް ސަރވިސް ކޮމިޝަނުން ބުނާއިރު، ޤައުމީ ސަލާމަތާއި ރައްކާތެރިކަމުގެ ވަޒީފާއެއްގައި ހުންނަ މުވައްޒަފެއްގެ މައްޗަށް އޮންނަންޖެހޭ އިތުބާރު ގެއްލޭ ފަދަ ގޮތަކަށް ވަޒީފާއަދާކުރާ ފަރާތުން ކުރި ނުވަތަ ކުރަން އުޅުނު ކަމަކީ ކޮބައިކަން ހުށަހެޅިފައިވާ ލިޔެކިޔުންތަކުންނާއި މައްސަލައިގެ މަޖިލީހުގައި ވެސް ސިވިލް ސަރވިސް ކޮމިޝަނަށް ބުނެދެވިފައި ނުވާކަން؛

މިލިޓަރީ އިންޓެލިޖެންސުން ނެރޭ މި ބަވާތުގެ ރިޕޯޓުތަކާ ގުޅިގެން ސުވާލުކުރުމުގެ ބާރު ސިވިލް ސަރވިސް ކޮމިޝަނަށް ލިބިގެން ނުވާކަމަށް އެ ކޮމިޝަނުން ބުނާއިރު، އެފަދައިން ސިވިލް ސަރވިސް ކޮމިޝަނުން ޢަމަލުކުރަންޖެހޭ ޤާނޫނީ އަސާސެއް ބުނެދެވިފައި ނުވާތީއާއި، ސިވިލް ސަރވިސް ކޮމިޝަނަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 179 މާއްދާގެ (ށ) ދަށުން އުފައްދާފައިވާ މުސްތަޤިއްލު މުއައްސަސާއެއް ކަމަށް ވުމުންނާއި، ދިވެހި ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ވަޒީފާ ދިނުމާއި، އެއް ވަޒީފާއިން އަނެއް ވަޒީފާއަށް ބަދަލުކުރުމާއި، މުވައްޒަފުން ވަކިކުރުމުގެ އެންމެހާ ބާރުތައް ލިބިގެންވަނީ ސިވިލް ސަރވިސް ކޮމިޝަނަށް ކަމަށް ދިވެހި ސިވިލް ސަރވިސްގެ ޤާނޫނު ގެ 37 ވަނަ މާއްދާއާއި ދިވެހި ސިވިލް ސަރވިސްގެ ގަވާއިދު 2014 ގެ 74 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާތީ، މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގެ ކުރިން އެ މުވައްޒަފަކު ވަޒީފާއިން ވަކިކުރަނީ އެކަށީގެންވާ ސަބަބެއް އޮވެގެން، ލާޒިމު އިޖުރާއަތުތައް ފުރިހަމަކުރުމަށް ފަހުގައިކަން ބެލުމަކީ އެ ކޮމިޝަނުގެ ޒިންމާއެއްކަން؛

ވަޒީފާއާބެހޭ ޤާނޫނު ގެ 23 ވަނަ މާއްދާގެ ދަށުން ނޯޓިހެއް ދިނުމަކާނުލައި މުވައްޒަފަކު ވަޒީފާއިން ވަކިކުރާއިރު، އެ މާއްދާގެ (ހ) ގެ ދަށުން ފުރިހަމަ ކުރަންޖެހޭ ދެ ޝަރުތު ފުރިހަމަކުރުމުގައި ވަޒީފާދޭ ފަރާތުން ތަޠުބީޤުކުރި ހަމައަކީ އެކަށީގެންވާ ހަމައަކަށްވާންޖެހޭ ކަމަށާއި، ވަޒީފާދޭ ފަރާތަށް ހަމަ ފެންނަ ފެނުމުގެ މައްޗަށް އެކަނި މުވައްޒަފަކު ވަޒީފާއިން ވަކިނުކުރެވޭނެކަމަށް، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު2010/HC-A/24 ޤަޟިއްޔާ (ރީތި ރަށް ރިސޯޓް ޕްރައިވެޓް ލިމިޓްޑް ވ. ޢަލީ މުޢާޒު) ގައި ބަޔާންކޮށްފައިވާކަން؛

ޤައުމީ ސަލާމަތާ ރައްކާތެރިކަމުގެ ވަޒީފާއެއްގައި ހުންނަ މުވައްޒަފެއްގެ މައްޗަށް އޮންނަންޖެހޭ އިތުބާރު ގެއްލޭނެފަދަ ގޮތަކަށް ވަޒީފާ އަދާކުރާ ފަރާތުން ކުރި ނުވަތަ ކުރަން އުޅުނު ކަމެއް ސިވިލް ސަރވިސް ކޮމިޝަނަށް ބުނެދެވިފައި ނުވާތީއާއި، ދިވެހި ސިވިލް ސަރވިސްގެ ޤާނޫނު އާއި، ދިވެހި ސިވިލް ސަރވިސްގެ ގަވާއިދާއި، ކޯޑް އޮފް ކޮންޑަކްޓާ އެ ފަރާތުން ޚިލާފުވީކަން ސާބިތުވާފަދަ ހެއްކެތް ނެތުމުން، ވަޒީފާ އަދާކުރާ ފަރާތުގެ ޢަމަލުތައް ވަޒީފާއާބެހޭ ޤާނޫނު ގެ 23 ވަނަ މާއްދާގެ (ށ) ގައި ބުނާ ދެ ޙާލަތުން ކުރެ ޙާލަތަކަށް ފެތެނީ ކޮން ގޮތަކުންކަން ސިވިލް ސަރވިސް ކޮމިޝަނަށް ސާބިތުކޮށްދެވިފައި ނުވާތީ، މި މައްސަލައިގައި ވަޒީފާއާބެހޭ ޤާނޫނު ގެ 23 ވަނަ މާއްދާގެ ދަށުން ނޯޓިސް ދިނުމަކާ ނުލައި ވަޒީފާއިން ވަކިކުރެވިދާނެ ފަދަ އެކަށީގެންވާ ހަމައެއް އޮތްކަމަށް ޤަބޫލު ނުކުރެވޭކަން؛ އަދި

މައްސަލަ ހުށަހެޅި ފަރާތް ވަޒީފާއިން ވަކިކުރުމުގައި އިޖުރާއީ ޢަދުލުވެރިކަން ޤާއިމުކުރެވިފައި ނެތުން.

އިސްތިއުނާފުކުރެވޭ މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައިވާ ގޮތް

ސިވިލް ސަރވިސް ކޮމިޝަނުގެ ފަރާތުން ޓްރައިބިއުނަލް ނަންބަރު 67/VTR/2015 މައްސަލަ ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތަށް ނޫންކަމަށް ބުނެ، އެ ނިންމުން އިސްތިއުނާފުކޮށްދިނުމަށް އެދި ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން، އެ މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HC-A/63 ޤަޟިއްޔާއިން ބަލާފައިވެއެވެ.

ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HC-A/63 ޤަޟިއްޔާ ނިންމާފައިވަނީ ޓްރައިބިއުނަލްގެ ނަންބަރު 67/VTR/2015 މައްސަލައިގައި އިސްތިއުނާފު ކުރި ފަރާތް އަދާކުރަމުންދިޔަ ވަޒީފާގައި އިތުރަށް ބެހެއްޓުމަށް އަންގާފައިވާ ބައި ބާޠިލްކޮށް، އިސްތިއުނާފު ކުރި ފަރާތް ވަޒީފާއިން ވަކިކުރެވުނު ތާރީޚުން ފެށިގެން، ޓްރައިބިއުނަލުން މައްސަލަ ނިންމި ތާރީޚް ކަމުގައިވާ 29 ނޮވެންބަރު 2015 ވަނަ ދުވަހާ ހަމަޔަށް ލިބެންވާ މުސާރާއާއި ޢިނާޔަތުގެ ގޮތުގައި ދޭންޖެހޭ އެންމެހައި ފައިސާ،10 އޮކްޓޫބަރު 2018 ވަނަ ދުވަހުން ފެށިގެން ގިނަވެގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި އިސްތިއުނާފުކުރާ ފަރާތަށް ދިނުމަށްފަހު، އެކަން ހަމަޖެހޭތާ 3 (ތިނެއް) ދުވަހުގެ ތެރޭގައި ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ލިޔުމުން އެންގުމަށް ސިވިލް ސަރވިސް ކޮމިޝަނަށް އަމުރުކޮށް، އެ ކޯޓުގައި މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާޤުންނެވެ.

އިސްވެ ބުނެވުނު ފަދައިން ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައިވަނީ އަންނަނިވި ކަންކަމުގެ މައްޗަށް ބިނާކޮށްކަން، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HC-A/63 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުން އެނގެން އޮވެއެވެ.

އިސްތިއުނާފު ކުރާ ފަރާތް ވަޒީފާއިން ވަކިކުރުމުގައި ސިވިލް ސަރވިސް ކޮމިޝަނުން އެޅި ފިޔަވަޅެއްގެ ގޮތުގައި ފެންނަން އޮތީ، 05 މޭ 2015 ގައި ބޭއްވުނު އެ ކޮމިޝަނުގެ 1179 ވަނަ ބައްދަލުވުމުގެ ޔައުމިއްޔާކަމާއި، އެ ޔައުމިއްޔާގައި އޭވިއޭޝަން ކޮމާންޑުގައި ވަޒީފާއަދާކުރާ 8 މުވައްޒަފަކާ ގުޅޭ ގޮތުނ އެމް.އެން.ޑީ.އެފް ގެ އިންޓެލިޖެންސުން މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީއަށް ދީފައިވާ ސިއްރު މަޢުލޫމާތުތަކުގެ މައްޗަށް ބިނާކޮށް އޭވިއޭޝަން ސެކިއުރިޓީގެ އެ މުވައްޒަފުންނަކީ އޭވިއޭޝަން ވަޒީފާގައި ބޭތިއްބުމަށް އެކަށީގެންވާ މީހުންކަމަށް ނުފެންނާތީ، އެ ފަރާތްތައް ވަޒީފާއިން ވަކިކޮށްދިނުމަށް މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީން ހުށަހަޅާފައިވާ މައްސަލައާ ގުޅޭގޮތުން އެ ބައްދަލުވުމުގައި އެމް.އެން.ޑީ.އެފްގެ އިންޓެލިޖެންސަށް ލިބިފައިވާ ސިއްރު މަޢުލޫމާތުތަކަކީ ދަޢުލަތުގެ ސިއްރު މަޢުލޫމާތުކަމަށްވާތީ، އެ މަޢުލޫމާތު ކޮމިޝަނުގައި ބަހައްޓަން ނުފެންނަ ކަމަށް މެންބަރުން ފާހަގަކޮށް، ހިއްސާ ކުރެވުނު ސިއްރު މަޢުލޫމާތުތަކުގެ މައްޗަށް ބިނާކޮށް އެ މުވައްޒަފުން ވަޒީފާގައި ނުބެހެއްޓުމަށް ކޮމިޝަނަރުންނަށް އެއްބަސްވެވުނުކަން ބަޔާންކޮށްފައިވާކަމާއި، ބުނެވިދިޔަ ޔައުމިއްޔާ އާއި މައްސަލައާ ގުޅިގެން ސިވިލް ސަރވިސް ކޮމިޝަންގެ ފަރާތުން ޓްރައިބިއުނަލަށް ހުށަހަޅާފައިވާ އެއްވެސް ހުށަހެޅުމެއްގައިވެސް، ޤައުމީ ސަލާމަތާ ރައްކާތެރިކަމުގެ ވަޒީފާއެއްގައި ހުންނަ މުވައްޒަފެއްގެ މައްޗަށް އޮންނަންޖެހޭ އިތުބާރު ގެއްލޭނެފަދަ ގޮތަކަށް އެ މުވައްޒަފުން ކުރި ޢަމަލަކީ ކޮބައިކަން ބަޔާންކުރެވިފައި ނުވާކަން އެނގެން އޮތްއިރު، އެކަމުގެ މައްޗަށް ރިޢާޔަތްކޮށް އިސްތިއުނާފުކުރާ ފަރާތް ވަޒީފާއިން ވަކިކުރެވުނުއިރު، އެފަދައިން އޭނާކުރި ޢަމަލަކީ ކޮބައިކަން ސިވިލް ސަރވިސް ކޮމިޝަނުން ސާފުކޮށްފައި ނުވާކަން އެނގެން އޮތްކަން؛

ވަޒީފާގައި އިތުރަށް ބެހެއްޓުމަށް ވަޒީފާދޭ ފަރާތަށް ނުވަތަ ވަޒީފާ އަދާކުރާ ތަނަށް ގެއްލުން ލިބިދާނެކަމަށް ފެންނަ ޙާލަތުގައި ވަޒީފާއާބެހޭ ޤާނޫނު އާއި ސިވިލް ސަރވިސްގެ ޤާނޫނު ގެ ދަށުން ވެސް ނޯޓިސް ނުދީ ވަޒީފާއިން ވަކިކުރެވިދާނެ ނަމަވެސް، އެ ޙާލަތުގައިވެސް އެފަދައިން ކަންކުރި ކަމަށް ތުހުމަތު ކުރެވިފައިވާ ފަރާތަށް، އޭނާ ކުރި ކަމަށް ބުނާ ކަމުގެ މަޢުލޫމާތު އަންގަންޖެހޭއިރު، އިސްތިއުނާފު ކުރާ ފަރާތް ވަޒީފާއިން ވަކިކުރުމުގައި އޭނާގެ މައްޗަށް ތުހުމަތު ކުރެވިފައިވަނީ ކޮންކަމެއްކަން ޚުދު އޭނާއަށް އެންގިފައިނުވާ ހިނދު، އިސްތިއުނާފު ކުރާ ފަރާތް ވަޒީފާއިން ވަކިކުރުމަށް ނިންމުމުގައި އޭނާގެ ފަރާތުން ވަޒީފާ ދޭ ފަރާތަށް ގެއްލުމެއް ލިބިދާނެކަމަށް ސިވިލް ސަރވިސް ކޮމިޝަނަށް ފެނުނު ހަމައަކީ އެކަށީގެންވާ ހަމައެއްކަން ސާބިތުކޮށްދޭ ހުއްޖަތެއް ހުށަހަޅާފައިވާކަމަށް ބެލެވެން ނެތްކަމުންނާއި، އޭނާ ވަޒީފާއިން ވަކިކުރުމުގެ ކުރިން ބަލަންޖެހޭ ބެލުންތަކަށް އެކަށީގެންވާ މިންވަރަކަށް ބެލިފައި ނުވާކަން އެނގެން އޮތުމުން، ސިވިލް ސަރވިސް ކޮމިޝަނުގެ އެ ނިންމުމުގައި އިޖުރާއީ ޢަދުލުވެރިކަން ޤާޢިމުވެފައި ނެތުން؛ އަދި

ވަޒީފާދޭ ފަރާތުން ޤާނޫނާ ޚިލާފަށް މުވައްޒަފަކު ވަޒީފާއިން ވަކިކުރިނަމަވެސް، އެފަދަ މުވައްޒަފަކު އެ ވަޒީފާގައި ބެހެއްޓުމަށް ކަނޑައެޅުމުގައި، ދެ ފަރާތަށް އެންމެ މަޞްލަޙަތު ހުރި ގޮތަށް ރިޢާޔަތްކުރަންޖެހޭ ކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2011/HC-A/128 ޤަޟިއްޔާ (އިސްމާޢީލް ޢުމަރު ވ. މޯލްޑިވްސް ޕޯސްޓް ލިމިޓެޑް) ގައި ކަނޑައަޅާފައިވާތީ، މި މައްސަލައިގައި އިސްތިއުނާފުކުރާ ފަރާތް ވަކި ކުރެވިފައިވަނީ ޤައުމީ ސަލާމަތާއި ރައްކާތެރިކަމުގެ ވަޒީފާއެއްގައި ހުންނަ ފަރާތެއްގެ މައްޗަށް އޮންނަ އިތުބާރު ގެއްލިގެން ކަމުން، އިސްތިއުނާފު ކުރާ ފަރާތުގެ ވަޒީފާ އަނބުރާ ރުޖޫޢަކުރުމަކީ އެންމެ މަސްލަޙަތު ހުރި ގޮތް ކަމަށް ނުފެންނަކަން.

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފައިވާ ނުކުތާތަކާއި އެ ނުކުތާތަކަށް ދީފައިވާ ރައްދު

ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HC-A/63 ޤަޟިއްޔާ ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުސޫލުތަކާ ޚިލާފަށް ކަމަށްބުނެ، އިސްތިއުނާފު ކުރާ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް 4 (ހަތަރެއް) ސަބަބެއް ހުށަހަޅާފައިވެއެވެ.

ފުރަތަމަ ސަބަބަކީ، އިސްތިއުނާފުކުރާ ފަރާތް ވަޒީފާއިން ވަކިކޮށްފައިވަނީ، އެ ފަރާތުގެ މައްޗަށް ކޮށްފައިވާ ތުހުމަތު ސާފުކޮށްދިނުމެއްނެތި، ކަންހިނގާފައިވާ ގޮތް އެކަށީގެންވާ މިންވަރަށް ތަޙްޤީގުކުރުމެއްނެތި، އަދި ކުރެވިފައިވާ ތުހުމަތުން ބަރީޢަވުމަށް އެއްވެސް ފުރުޞަތެއް ދިނުމަކާ ނުލާކަމުގައިވާއިރު، އެއީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2012/SC-A/35 ޤަޟިއްޔާ (މުޙައްމަދު ފަހުމީ ޙަސަން ވ ރައްޔިތުންގެ މަޖިލިސް) ގައި ކަނޑައަޅާފައިވާ ނެޗުރަލް ޖަސްޓިސް އަދި ޑިއު ޕްރޮސެސްގެ އުސޫލުތަކާއި ޚިލާފަށް ނިންމާފައިވާ ނިންމުމެއް ކަމުގައި ބުނެ ހުށަހެޅި ސަބަބެވެ.

ދެވަނަ ސަބަބަކީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2012/SC-A/27 ޤަޟިއްޔާ (އެޓަރނީ ޖެނެރަލްގެ އޮފީސް ވ. ޙުސައިން ރިޝީފް ޠާހާ) ގައި ކަނޑައަޅާފައިވާ ޤާނޫނީ އުސޫލުތަކާ ޚިލާފަށް މައްސަލަ ނިންމާފައިވާކަމަށް ބުނެ ހުށަހަޅާފައިވާ ސަބަބެވެ.

ތިންވަނަ ސަބަބަކީ، އިސްތިއުނާފުކުރާ ފަރާތް ވަޒީފާއިން ވަކިކޮށްފައިވަނީ، ވަޒީފާއިން ވަކިކުރުމުގައި ޤާއިމުކުރަންޖެހޭ މައުޟޫޢީ ޢަދުލުވެރިކަމާއި އިޖުރާއީ ޢަދުލުވެރިކަން ޤާއިމުކުރުމެއް ނެތި ކަމަށް ބުނެ ހުށަހަޅާފައިވާ ސަބަބެވެ.

ހަތަރުވަނަ ސަބަބަކީ، ހަމައަކަނި އިންޓެލިޖެންސް ރިޕޯޓްގެ މައްޗަށް ރިޢާޔަތްކޮށް މުވައްޒަފަކު ވަޒީފާއިން ވަކިކުރުމަށް ނިންމާފައިވާ ނިންމުމަކީ ދިވެހިރާއްޖޭގެ ކޯޓުތަކުން ނިންމާފައިވާ ނިންމުންތަކާއި، އިސްތިޤްރާރުވެފައިވާ އުސޫލުތަކާއި ޚިލާފު ނިންމުމެއް ކަމަށް ބުނެ ހުށަހަޅާފައިވާ ސަބަބެވެ.

ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HC-A/63 ޤަޟިއްޔާ ނިންމާފައިވަނީ ޝަރުޢީ ނުވަތަ ޤާނޫނީ އުސޫލުތަކާ ޚިލާފަށް ކަމަށްބުނެ ހުށަހަޅާފައިވާ ސަބަބުތަކަށް ރައްދުދިނުމުގެ ގޮތުން ސިވިލް ސަރވިސް ކޮމިޝަންގެ ފަރާތުން ފާހަގަކޮށްފައިވަނީ 1 (އެކެއް) ނުކުތާއެވެ. އެއީ، ދައުލަތުގެ އިންޓެލިޖެންސް އިދާރާތަކުން ނެރޭ މިބާވަތުގެ ރިޕޯޓްތަކާއި ގުޅިގެން، އެކަމަށް ފާޑުކިޔައި އަދި އެއިން ކަމާމެދު ސުވާލުކޮށް، އަޅަންޖެހޭ ފިޔަވަޅުތައް ނާޅާ ތިބުމަކީ ސިވިލް ސަރވިސް ކޮމިޝަނަށް ލިބިފައިވާ ބާރެއްކަމުގައި ނުވާތީ، އަދި އެފަދަ ފިޔަވަޅެއް ނޭޅުމުގެ ސަބަބުން ދިމާވެދާނެ ކަމެއްގެ ޒިންމާ އުފުލުމަކީ އެ މުއައްސަސާއަށް ކުރެވިދާނެ ކަމެއް ކަމަށް ނުފެންނާތީ، އެ މުވައްޒަފުން ވަޒީފާއިން ކުރެވިފައިވަނީ ދިވެހި ސިވިލް ސަރވިސްގެ ގަވާއިދު 2014 ގެ 273 ވަނަ މާއްދާގެ (ށ) އަށް ރިޢާޔަތްކޮށް ދިވެހި ސިވިލް ސަރވިސްގެ ޤާނޫނު ގެ 47 ވަނަ މާއްދާގެ (ށ) ގެ ދަށުންކަމަށް ބުނެ ހުށަހަޅާފައިވާ ނުކުތާއެވެ.

އިސްތިއުނާފުކުރި ނުކުތާތަކުގެ ޖަވާބު ލިޔުމުން ހުށަހެޅިއިރު ސިވިލް ސަރވިސް ކޮމިޝަންގެ ފަރާތުން ބަޔާންކޮށްފައިވަނީ އިސްވެ ބަޔާންކުރެވުނު ގޮތަށް ކަމުގައިވާ ނަމަވެސް، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި އެ ކޮމިޝަނުގެ ފަރާތުން ބުނެފައިވަނީ ސިވިލް ސަރވިސްގެ ގަވާއިދުގެ 273 ވަނަ މާއްދާ އިސްލާޙުކޮށްފައިވާ ކަމަށާއި، ކޮމިޝަނުގެ ރެކޯޑްތަކުން ބަލާއިރު އިސްތިއުނާފުކުރާ ފަރާތުގެ އިތުބާރު ގެއްލެންޖެހޭ ސަބަބެއް ފާހަގަވެފައި ނުވާކަމަށާއި، ފުލުހުންގެ ކިބައިން ލިބިފައިވާ ރެކޯޑުތަކުންވެސް އިސްތިއުނާފުކުރާ ފަރާތަކީ ކުށެއް ނެތް އަދި ރެކޯޑްތަކެއް ނެތް ފަރާތެއްކަން އެނގޭކަމުން، މި މައްސަލައިގައި ޓްރައިބިއުނަލުގެ ނިންމުމަކީ އެންމެ ޢަދުލުވެރި ނިންމުންކަމަށް ޤަބޫލުކުރާ ކަމުގައެވެ. މީގެ އިތުރުން، މި މައްސަލަ ސިވިލް ސަރވިސް ކޮމިޝަންގެ ފަރާތުން ޙައްލުކުރަން ބޭނުންވި ނަމަވެސް، ޓްރައިބިއުނަލްގެ ނިންމުން ދިވެހިރާއްޖޭގެ ހައިކޯޓުން ބަދަލު ކުރެއްވިއިރު، ޓްރައިބިއުނަލްއިން ފާހަގަކޮށްފައިވާ ނުކުތާތަކަށް ތާއީދުކުރުމާއެކު، އިސްތިއުނާފުކުރާ ފަރާތުގެ އިތުބާރު ގެއްލިފައިވާކަމަށް ބަލައި، އެ ފަރާތަށް އަލުން ވަޒީފާ ދޭން ނުޖެހޭނެ ކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައިވުމުން، އެކަމަކީ ޓްރައިބިއުނަލްގެ ނިންމުން ތަންފީޛުކުރަން އޮތް ހުރަހެއް ކަމަށާއި، އެ ސަބަބަށްޓަކައި ސުޕްރީމް ކޯޓުގެ ޙުކުމެއް މި މައްސަލައާ ގުޅިގެން ބޭނުންވާކަމަށް ބުރަވެވޭކަމަށެވެ.

އިސްތިއުނާފު ކުރާ ފަރާތް ވަޒީފާއިން ވަކިކުރި ސަބަބު

މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީގެ އެވްސެކް ކޯޕަރަލްގެ ރޭންކުން އިސްތިއުނާފު ކުރާ ފަރާތް ވަކިކޮށްފައިވަނީ އެ މިނިސްޓްރީއަށް އިންޓެލިޖަންސުން ދީފައިވާ ސިއްރު މަޢުލޫމާތުގެ މައްޗަށް ބިނާކޮށް، ޤައުމީ ސަލާމަތާއި ރައްކާތެރިކަމުގެ ވަޒީފާއެއްގައި ހުންނަ މުވައްޒަފެއްގެ މައްޗަށް އޮންނަންޖެހޭ އިތުބާރު ގެއްލިފައިވާކަމަށް ބުނެ، އެ މިނިސްޓްރީން އިސްތިއުނާފުކުރާ ފަރާތް ވަޒީފާއިން ވަކިކޮށްދިނުމަށް އެދި ހުށަހަޅާފައިވާތީ، ދިވެހި ސިވިލް ސަރވިސްގެ ގަވާއިދުގެ 273 ވަނަ މާއްދާގެ (ށ) އަށާއި، ދިވެހި ސިވިލް ސަރވިސްގެ ޤާނޫނު ގެ 41 ވަނަ މާއްދާގެ (ށ) ރިޢާޔަތްކޮށް، ދިވެހި ސިވިލް ސަރވިސްގެ ޤާނޫނު ގެ 47 ވަނަ މާއްދާގެ (ނ) ގެ 3 ވަނަ ނަންބަރުގެ ދަށުން ކަމަށެވެ.

އެހެންކަމުން، ދިވެހި ސިވިލް ސަރވިސްގެ ޤާނޫނު ގެ 47 ވަނަ މާއްދާގެ (ނ) ގެ 3 ވަނަ ނަންބަރުގެ ދަށުން އިސްތިއުނާފުކުރާ ފަރާތް ވަޒީފާއިން ވަކިކުރުމަށް މެދުވެރިވި ސަބަބަކީ ކޮބައިކަމުގެ މައްޗަށް ބަލާއިރު، އިސްތިއުނާފު ކުރާ ފަރާތް ވަޒީފާއިން ވަކިކުރީ އިންޓެލިޖަންސް ރިޕޯޓުގެ މައްޗަށް ބިނާކޮށްކަން އެނގެން އޮތުމުގެ އިތުރުން، އިސްތިއުނާފު ކުރާ ފަރާތުން ދިވެހި ސިވިލް ސަރވިސްގެ ޤާނޫނު އާއި، ދިވެހި ސިވިލް ސަރވިސްގެ ގަވާއިދާއި، ދިވެހި ސިވިލް ސަރވިސްގެ ކޯޑް އޮފް ކޮންޑަކްޓާ ޚިލާފުވުމުގެ ގޮތުން ކޮށްފައިވަނީ ނުވަތަ ކުރަން އުޅެފައިވަނީ ނުވަތަ ނުކޮށް ދޫކޮށްލާފައިވަނީ ކޮން ކަމެއްކަން އެނގެން ނެތެވެ. އަދި އެ މައްޗަށް ބިނާކޮށް އިސްތިއުނާފުކުރާ ފަރާތް ވަޒީފާއިން ވަކިކުރުމަށް ނިންމި އިންޓެލިޖަންސް ރިޕޯޓުގައި އޮތީ ކޮން މަޢުލޫމާތެއްކަން އެނގެން ނެތެވެ. އަދި އެ އިންޓެލިޖަންސް ރިޕޯޓުގައި އިސްތިއުނާފު ކުރާ ފަރާތުގެ ވާހަކަ އޮތްކަން ނުވަތަ ނެތްކަން، އަދި އެފަރާތް ވަޒީފާއިން ވަކިކުރަންޖެހޭ ސަބަބެއް ބަޔާންކޮށްފައިވާކަން ނުވަތަ ނޫންކަންވެސް އެނގެން ނެތެވެ.

ޤާނޫނީ ގޮތުން ލާޒިމް އިޖުރާއަތު

ވަޒީފާގައި ހުރި މުވައްޒަފަކު ވަކިކުރުމުގައި ޢަމަލުކުރަންޖެހޭ އިޖުރާއަތުގެ ގޮތުގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2014/SC-A/27 (އިސްމާޢީލް މަސްޢޫދު ވ. ހައުސިންގ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން ލިމިޓެޑް) އަދި 2018/SC-A/49 (މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް ވ. ޖާބިރު ޢަބްދުއްރަޙްމާން) ޤަޟިއްޔާގައި އެކަށައަޅާފައިވާ ލާޒިމު އިޖުރާއަތަކީ، ސިވިލް ސަރވިސް ހިމެނޭގޮތުން، (ވަޒީފާއާބެހޭ ޤާނޫނު އިން އިސްތިސްނާ ކޮށްފައިވާ ފަރާތްތައް ފިޔަވައި) ދިވެހިރާއްޖޭގައި ވަޒީފާއަދާކުރާ ހުރިހާ ފަރާތެއްމެ ވަޒީފާއިން ވަކިކުރުމުގައި، އެ މައްޗަށް ޢަމަލުކުރަންޖެހޭނެ އިޖުރާއަތެކެވެ.

މިގޮތުން، ނޯޓިހެއް ދިނުމަކާ ނުލައި، މުވައްޒަފަކު އޭނާގެ ވަޒީފާއިން ވަކިކުރެވޭނީ އޭނާގެ މަސައްކަތުގެ އަޚްލާޤު އެކަށީގެން ނުވުމާއެކު، އޭނާ ވަޒީފާގައި އިތުރަށް ބެހެއްޓުމަކީ، އެކަށީގެންވާ ހަމަތަކަށް ބަލާއިރު، ކުރެވޭނެ ކަމެއް ކަމަށް ވަޒީފާދޭ ފަރާތަށް ނުފެންނަ ހާލަތްތަކުގައެވެ. އަދި ވަޒީފާ އަދާކުރާ ފަރާތެއްގެ މަސައްކަތުގެ އަޚްލާޤު އެކަށީގެން ނުވާކަމަށް ބެލޭނީ އެ މީހަކު ވަޒީފާގައި އިތުރަށް ބެހެއްޓުމުން ވަޒީފާދޭ ފަރާތަށް ނުވަތަ ވަޒީފާ އަދާކުރާ ތަނަށް ގެއްލުންތަކެއް ލިބިދާނެ ކަމަށް ފެންނަނަމަ، ނުވަތަ އެމީހަކު ޚިޔާނާތެއް ވެފައިވާނަމައެވެ.

މުވައްޒަފަކު ވަޒީފާއިން ވަކިކުރުމާ ގުޅިގެން، އެ މުވައްޒަފަކު ހުށަހަޅާ ޝަކުވާއެއް ނުވަތަ ދައުވާއެއްގައި، އެ މުވައްޒަފަކު ވަޒީފާއިން ވަކިކުރި ސަބަބަކީ އެކަށީގެންވާ ސަބަބެއްކަން ސާބިތުކޮށް ދިނުމަކީ ވަޒީފާދޭ ފަރާތުގެ ޒިންމާއެކެވެ. އެހެންކަމުން، ވަޒީފާއާބެހޭ ޤާނޫނު ގެ 23 ވަނަ މާއްދާގެ (ހ) ގެ ދަށުން ނޯޓިސް ދިނުމަކާ ނުލައި މުވައްޒަފަކު ވަޒީފާއިން ވަކިކުރާއިރުވެސް މައުޟޫއީ ޢަދުލުވެރިކަން އަދި އިޖުރާއީ ޢަދުލުވެރިކަން ޤާއިމުވެފައިވާކަން ކަށަވަރު ކުރުމަކީ ވަޒީފާދޭ ފަރާތުގެ ޒިންމާއެކެވެ.

މައުޟޫއީ ޢަދުލުވެރިކަން

ނޯޓިސްނުދީ މުވައްޒަފަކު ވަޒީފާއިން ވަކިކުރެވޭނީ ޢަދުލުވެރި ސަބަބެއް އޮވެގެންކަމާއި، ޢަދުލުވެރި ސަބަބެއް އޮތްކަމަށް ބެލެވޭނީ ފާޅުކަންބޮޑު ޣައިރު ސުލޫކީ އަމަލެއް ކޮށްފައިވާނަމަ ނުވަތަ ޚިޔާނާތެއް ވެފައިވާނަމަކަން ވަޒީފާއާބެހޭ ޤާނޫނު އިން އެނގެން އޮވެއެވެ.

މުވައްޒަފު ކުރި އަމަލަކީ ނޯޓިސް ދިނުމެއްނެތި މުވައްޒަފަކު ވަޒީފާއިން ވަކިކުރުން ހުއްދަވާފަދަ ފާޅުކަން ބޮޑު ޣައިރުސުލޫކީ އަމަލެއްކަމަށް ބެލެވޭނީ، މުވައްޒަފުކުރި އަމަލަކީ ދެ ފަރާތުގެ ދެމެދުގައި އޮންނަންޖެހޭ ވަޒީފާގެ ގުޅުން އެއްކޮށް ކެނޑޭ މިންވަރުގެ ސީރިއަސް އަމަލެއް ކަމަށް ވާނަމައެވެ. މިގޮތުން، މުވައްޒަފުގެ ޣައިރުސުލޫކީ އަމަލަކީ:

ދެ ފަރާތުގެ ދެމެދުގައިވާ ވަޒީފާގެ އެއްބަސްވުމުގެ ޖައުހަރީ ޝަރުތަކާ ޚިލާފުކަމެއް ކަމަށް ވާނަމަ؛ ނުވަތަ

އެ ކަމަކީ ވަޒީފާދޭ ފަރާތާއި މުވައްޒަފާއި ދެމެދުގައި އޮންނަ ވަޒީފާގެ ގުޅުމުގައި ހިމެނޭ އެންމެ މައިގަނޑު ސިފަކަމަށްވާ ދެ ފަރާތުގެ ދެމެދުގައި އޮންނަންޖެހޭ އިތުބާރު އަދި އަމާނާތްތެރިކަން ގެއްލޭފަދަ ކަމެއްކަމަށް ވާނަމަ؛ ނުވަތަ

އެކަމަކީ އެ މުވައްޒަފަކު ވަޒީފާދޭ ފަރާތަށް އަދާކުރަންޖެހޭ ވަޒީފާގެ އިލްތިޒާމުތަކާ އަސާސީގޮތުން ނުވަތަ ސީދާގޮތެއްގައި ޚިލާފު ކަމެއްކަމަށް ވާނަމަ؛

އެ އަމަލަކީ ނޯޓިސް ދިނުމެއްނެތި ވަޒީފާއިން ވަކިކުރުމަށް ހުއްދަވެދާނޭ ފާޅުކަންބޮޑު ޣައިރުސުލޫކީ އަމަލެއް ކަމަށް ބެލެވިދާނެއެވެ. އެހެންނަމަވެސް، އެ މުވައްޒަފަކު ވަޒީފާއަދާކުރާ ތަނުން ކުރާ މަސައްކަތުގެ ބާވަތާއި، އެ މުވައްޒަފުގެ މަޤާމާއި މަސްޢޫލިއްޔަތާއި އަދި މުވައްޒަފުގެ ކިބައިގައި ހުންނަންޖެހޭ އަމާނާތްތެރިކަމުގެ ޒިންމާއާ ގުޅިގެން ޣައިރުސުލޫކީ އަމަލުގެ ސީރިއަސްކަން ތަފާތުވެގެން ދިއުމަކީ އެކަށީގެންވާކަމެކެވެ. އަދި މުވައްޒަފު ކުރި ޣައިރުސުލޫކީ އަމަލުގެ ސަބަބުން ވަޒީފާދޭ ފަރާތާއި ވަޒީފާއަދާކުރާ ފަރާތާ ދެމެދު އޮންނަ ވަޒީފާގެ އިތުބާރު ގެއްލި، ވަޒީފާއަދާކުރާ ފަރާތުން އަދާކުރަންޖެހޭ މަސްއޫލިއްޔަތު ތެދުވެރިކަމާއެކު އަދާކުރުމަށް ހުރަސްއެޅިފައިވާ ނަމަ، ނޯޓިސް ނުދީ އެ މުވައްޒަފަކު ވަކިކުރުމުގެ އިޚްތިޔާރު ވަޒީފާދޭ ފަރާތަށް ލިބިގެންވެއެވެ.

އިސްތިއުނާފު ކުރާ ފަރާތް ވަޒީފައިން ވަކިކުރިއިރު ވަޒީފާ އަދާކުރަމުން ދިޔައީ މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީގެ އެވްސެކް ކޯޕަރަލްގެ މަޤާމުގައި ކަމުން، އަދި އެއީ އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުގެ ވަޒީފާއެއް ކަމުގައިވާތީ، އެ ވަޒީފާއަކީ ޤައުމީ ސަލާމަތާއި ރައްކާތެރިކަމާއި ސީދާ ގޮތުން ގުޅުންހުރި ވަޒީފާއެއް ކަމުން، އެފަދަ ވަޒީފާއެއްގައި ހުންނަ މުވައްޒަފެއްގެ މަސްޢޫލިއްޔަތާއި، އެމީހެއްގެ ކިބައިގައި ހުންނަންޖެހޭ އަމާނާތްތެރިކަމުގެ ޒިންމާއަކީ ވަރަށް މުހިންމު ކަންކަމެވެ. އަދި އެފަދަ މަޤާމެއްގައި ހުންނަ މުވައްޒަފެއްގެ މައްޗަށް އޮންނަ އިތުބާރަކީ ގެއްލިގެންވާނެ އެއްޗަކަށް ވެގެން ނުވާނެއެވެ.

ހުށަހެޅިފައިވާ މައްސަލައިގައި އިސްތިއުނާފު ކުރާ ފަރާތް ވަޒީފާއިން ވަކިކުރެވިފައިވާ ސަބަބަކީ އިސްވެ ދެންނެވުނު މިންގަނޑަށް ބަލާއިރު އެކަށީގެންވާ ސަބަބެއްކަން ނުވަތަ ނޫންކަމުގެ މައްޗަށް ބަލާއިރު، މި ރައުޔުގެ 14 އަދި 15 ވަނަ ޕެރެގްރާފުގައި ބަޔާންކޮށްފައިވާ ކަންކަމަށާއި، އިސްތިއުނާފު ރައްދުވާ ފަރާތުން ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ފާހަގަކޮށްފައިވާ (މި ރައުޔުގެ 13 ވަނަ ޕެރެގްރާފުގައި ބަޔާންކޮށްފައިވާ) ކަންކަމަށް ބެލުމުން:

އިސްތިއުނާފު ކުރާ ފަރާތުން ދިވެހި ސިވިލް ސަރވިސްގެ ޤާނޫނު އާއި، ދިވެހި ސިވިލް ސަރވިސްގެ ގަވާއިދާއި، ދިވެހި ސިވިލް ސަރވިސްގެ ކޯޑް އޮފް ކޮންޑަކްޓާ ޚިލާފުވުމުގެ ގޮތުން ކޮށްފައިވަނީ ނުވަތަ ކުރަން އުޅެފައިވަނީ ނުވަތަ ނުކޮށް ދޫކޮށްލާފައިވަނީ ކޮން ކަމެއްކަން އެނގެން ނެތްކަމާއި؛

އެ މައްޗަށް ބިނާކޮށް އިސްތިއުނާފު ކުރާ ފަރާތް ވަޒީފާއިން ވަކިކުރުމަށް ނިންމި އިންޓެލިޖަންސް ރިޕޯޓުގައި އޮތީ ކޮން މަޢުލޫމާތެއްކަން އެނގެން ނެތްކަމާއި؛

ސިވިލް ސަރވިސް ކޮމިޝަނުގެ ރެކޯޑްތަކުން އިސްތިއުނާފު ކުރާ ފަރާތުގެ އިތުބާރު ގެއްލެންޖެހޭފަދަ ސަބަބެއް އޮތްކަން ފާހަގަވެފައި ނުވާކަމަށް އެ ކޮމިޝަނުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ބުނެފައިވާކަން؛

އެނގެން އޮވެއެވެ.

އިސްވެ ބަޔާންކުރެވުނު ކަންކަން އެހެން ހުރުމުން، އިސްތިއުނާފު ކުރާ ފަރާތް ވަޒީފާއިން ވަކިކޮށްފައިވަނީ މައުޟޫއީ ޢަދުލުވެރިކަން ޤާއިމުކުރުމަށްފަހުގައި ކަމުގައި ބެލުމުގެ އެއްވެސް ޖާގައެއް އޮތްކަމުގައި އަހުރެން ނުދެކެމެވެ.

މި މައްސަލައިގައި އިސްތިއުނާފު ކުރާ ފަރާތް ވަޒީފާއިން ވަކިކޮށްފައިވަނީ ކޮން ސަބަބެއް މެދުވެރިވެގެންކަން އެނގެން ނެތުމުން، އިސްތިއުނާފު ރައްދުވާ ފަރާތުން ވަޒީފާދޭ ފަރާތެއްގެ ހައިސިއްޔަތުން އަދާކުރަންޖެހޭ ޒިންމާ އަދާކޮށްފައިވަނީ އެންމެ އެކަށޭނަ އަދި ޒިންމާދާރު ގޮތެއްގެ މަތިންކަމާމެދު ސުވާލު އުފެދެއެވެ. މިކަން އިތުރަށް ފާޅުވެގެންދަނީ އިސްތިއުނާފު ކުރާ ފަރާތް ވަޒީފާއިން ވަކި ކުރުމާއި ގުޅިގެން، އެ ފަރާތުން ޓްރައިބިއުނަލްއަށް މައްސަލަ ހުށަހެޅުމުން، ވަޒީފާދޭ ފަރާތުން އެ ނިންމުން ޓްރައިބިއުނަލްގައި، އަދި ފަހުން ދިވެހިރާއްޖޭގެ ހައިކޯޓުގައި ދިފާޢުކޮށް ވާހަކަ ދެއްކުމަށްފަހު، އެ ފަރާތުގެ ޕޮޒިޝަން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ބަދަލުކޮށްފައި ވުމުންނެވެ. ވަޒީފާދޭ ފަރާތުގެ މި ޣައިރު ޒިންމާދާރު ޢަމަލުގެ ސަބަބުން، ވަޒީފާ އަދާކުރާ ފަރާތުގެ ޙައްޤުތައް ނިގުޅައިގަނެ، އެ ފަރާތުން އިންސާފު ހޯދުމަށްޓަކައި އެތަކެއް އަހަރު މަސައްކަތް ކޮށްފައިވާ ކަމަކީ ދެބަސް ވެވެން ނެތް ޙަޤީޤަތެއް ކަމުގައި ދެކެމެވެ.

މި މައްސަލައިގައި އިސްތިއުނާފު ކުރާ ފަރާތުގެ ޙައްޤު ހޯދުމަށް އެ ފަރާތުން ކެނޑިނޭޅި މަސައްކަތްކޮށްފައި ވުމުގެ ސަބަބުން މިއަދު މި ކޯޓުން އެކަމުގައި ގޮތް ކަނޑައެޅި ނަމަވެސް، ވަޒީފާދޭ ފަރާތެއްގެ ހައިސިއްޔަތުން އެ ފަރާތުން މުވައްޒަފުންގެ މައްޗަށް އަދާކުރަންޖެހޭ ޒިންމާއާއި މަސްއޫލިއްޔަތު ހެޔޮ ނިޔަތުގައި އަދާ ނުކުރުމުގެ ސަބަބުން ވަޒީފާ ގެއްލިފައިވާ ނުވަތަ އެނޫންވެސް ގޮތަކަށް ވަޒީފާއަށް އަސަރުކޮށްފައިވާ ކޮންމެ ފަރާތަކީ އެކި ސަބަބުތަކާ ހުރެ ޓްރައިބިއުނަލްއަށް މައްސަލަ ހުށަހަޅާނެ ނުވަތަ ހުށަހެޅޭނެ ފަރާތެއް ނޫނެވެ. އަދި ޓްރައިބިއުނަލްއަށް މައްސަލަ ހުށަހަޅާ ކޮންމެ ފަރާތަކީ ޓްރައިބިއުނަލްގެ ނިންމުން އިސްތިއުނާފު މަރުޙަލާތަކުގައި ކުރިއަށް ގެންދިއުމަށް ފަހިވެފައިވާ ފަރާތެއްވެސް ނޫނެވެ.

އެހެންކަމުން، ވަޒީފާދޭ ކޮންމެ ފަރާތަކުންވެސް އެފަރާތެއްގެ މުވައްޒަފުންނާ ގުޅިގެން ނިންމާ ނިންމުންތަކަކީ، ޤާނޫނާއި ގަވާއިދުތަކުގެ، އަދި ވަޒީފާއާގުޅޭ މައްސަލަތަކާ ގުޅިގެން ޤާއިމުކޮށްފައިވާ އުސޫލުތަކުގެ އިމުގެ ތެރެއިން އަމަލުކުރާ ފަރާތެއް ކަމުގައިވުމީ ނުހަނު މުހިންމު ކަމެކެވެ.

އިޖުރާއީ ޢަދުލުވެރިކަން

އިސްތިއުނާފު ކުރާ ފަރާތް ވަޒީފާއިން ވަކިކުރުމުގެ ކުރިން އޭނާ ވަޒީފާއިން ވަކިކުރުމަށް މެދުވެރިވި ސަބަބާއި ގުޅޭގޮތުން އޭނާއާ ސުވާލުކޮށް، އެ ސުވާލުތަކަށް އޭނާއަށް ޖަވާބުދާރީވުމުގެ ފުރުޞަތު ދީފައިވާކަން އެނގެން ނެތުމުން، މި މައްސަލައިގައި އިސްތިއުނާފު ކުރާ ފަރާތް ވަޒީފާއިން ވަކިކޮށްފައިވަނީ އިޖުރާއީ އަދުލުވެރިކަން ގާއިމު ކުރުމަށް ފަހު ކަމުގައި އަހުރެން ނުދެކެމެވެ.

މީގެ އިތުރުން، ވަކި ޙާލަތެއްގައި ދިވެހި ސިވިލް ސަރވިސްގެ ގަވާއިދުގެ 272 ވަނަ މާއްދާގެ (ށ) ގެ ދަށުން ޖަވާބުދާރީވުމަށް ފުރުޞަތުދިނުމަކާއި ނުލައި މުވައްޒަފެއް ވަޒީފާއިން ވަކިކުރެވިދާނެކަމަށް ބަޔާންކޮށްފައި އޮތް އޮތުން މި މައްސަލައިގެ ތެރެއިން ސަމާލުކަމަށް އައިސްފައިވާތީ، މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގައި މައުޟޫއީ ޢަދުލުވެރިކަމުގެ އިތުރުން، އިޖުރާއީ ޢަދުލުވެރިކަން ޤާއިމުވާންޖެހޭ ކަމުގައި ބަޔާންކުރުން މުހިންމު ކަމުގައި ދެކެމެވެ. އަދި މި ޢާންމު އުސޫލަށް އޮންނަނީ ވަރަށް ހަނި އިސްތިސްނާއެއް ކަމާއި، އިސްތިސްނާ ޙާލަތްތަކުގައި ވަޒީފާދޭ ފަރާތަށް ނުވަތަ ތަނަށް މުވައްޒަފުގެ ފުށުން އިތުރު ގެއްލުން ލިބިދާނެ ނަމަ، ވަގުތުން މުވައްޒަފުން ވަކި ކުރެވުނު ނަމަވެސް، މިއީ އެފަދަ އިސްތިސްނާ ޙާލަތެއްކަމުގައި އަހުރެންނަށް ބުރަނުވެވެއެވެ. އެއީ އިސްތިއުނާފު ކުރާ ފަރާތަށް ދިފާއުވާން ފުރުޞަތު ދެވިފައި ނުވާތީއެވެ.

ޙައްލު އަދި ނަތީޖާ

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2014/SC-A/27 (އިސްމާޢީލް މަސްޢޫދު ވ. ހައުސިންގ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން ލިމިޓެޑް) އަދި 2018/SC-A/49 (މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް ވ. ޖާބިރު ޢަބްދުއްރަޙްމާން) ޤަޟިއްޔާގައި ފަނޑިޔާރު ޙުސްނުއް ސުޢޫދުގެ ރައުޔުގައި (މައްސަލައިގައި ހިމެނުނު އެހެން ފަނޑިޔާރުންގެ ތާއީދާއެކު) ފާހަގަކުރައްވާފައިވާ ޙައްލުތަކުގެ އަލީގައި، އިސްތިއުނާފު ކުރާ ފަރާތުގެ ވަޒީފާ އިއާދަ ކުރާނެކަން ނުވަތަ ނޫންކަމުގެ މައްޗަށް ބަލާއިރު، ވަޒީފާއަށް އަނބުރާ އިއާދަ ކުރެވޭނީ މައްސަލައިގައި ހިމެނޭ އަދި އެ މައްސަލައިގެ ވަށައިގެންވާ ޚާއްޞަ ޙާލަތްތައް ވަޒަންކޮށް، ދެ ފަރާތުގެ ދެމެދުގައި ވަޒީފާގެ ގުޅުން ދެމެހެއްޓޭނެ މިންވަރުގެ އިތުބާރު އޮތްކަން ނުވަތަ ނެތްކަން ކަނޑައެޅުމަށް ފަހު، ވަޒީފާއިން ވަކިކުރި އިރު ހުރި ވަޒީފާއަށް ރުޖޫއަކުރުމަށް ހުރަސް އަޅާ ޙާލަތެއް އޮތްތޯ ނުވަތަ ވަޒީފާއަށް ރުޖޫއަކުރުމަކީ އަމަލީ ގޮތުން ކުރެވެން އޮތް ކަމެއްތޯ ބެލުމަށްފަހުކަން ފާހަގަކުރަމެވެ.

އެހެންކަމުން، އިސްވެ ޙަވާލާދެވުނު ކަންކަން ހުށަހެޅިފައިވާ މި މައްސަލައަށް ތަތުބީޤު ކުރާއިރު:

އިސްތިއުނާފު ކުރާ ފަރާތް ވަޒީފާއިން ވަކިކުރުމުގައި މަޢުޟޫޢީ ޢަދުލުވެރިކަން ޤާއިމުވެފައިވާކަމަށް ބުރަވެވެން ނެތަތީއާއި؛

އިސްތިއުނާފު ކުރާ ފަރާތް ވަޒީފާއިން ވަކިކުރުމުގައި އިޖުރާއީ ޢަދުލުވެރިކަން ޤާއިމުވެފައިވާކަމަށް ބުރަވެވެން ނެތަތީއާއި؛

އިސްތިއުނާފު ކުރާ ފަރާތުގެ ވަޒީފާ އަނބުރާ އިޢާދަ ނުކުރެވޭނޭ މިންވަރަކަށް، އޭނާއާ ސިވިލް ސަރވިސް ކޮމިޝަނާ ދެމެދުގައިވާ އިތުބާރު ގެއްލިފައިވާކަން އެނގެން ނެތަތީއާއި؛

ޤައުމީ ސަލާމަތާ ރައްކާތެރިކަމުގެ ވަޒީފާއެއްގައި ހުންނަ މުވައްޒަފެއްގެ މައްޗަށް އޮންނަންޖެހޭ އިތުބާރު ގެއްލޭނެފަދަ ގޮތަކަށް އިސްތިއުނާފު ކުރާ ފަރާތުގެ ޢަމަލުތައް ހުރިކަމަށް ބެލެވޭނެ ސަބަބެއް ނުވާކަމަށް ސިވިލް ސަރވިސް ކޮމިޝަނުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ބުނެފައިވާތީއާއި؛

މި މައްސަލަ ޓްރައިބިއުނަލްގައި ހިންގުމަށްފަހު ނިންމި ނިންމުމަކީ އެންމެ ޢަދުލުވެރި ގޮތްކަމަށް ސިވިލް ސަރވިސް ކޮމިޝަނުން ދެކޭ ކަމުގައި އެ ކޮމިޝަނުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ބުނެފައިވާތީ؛

އިސްތިއުނާފު ކުރާ ފަރާތުގެ ވަޒީފާއަށް އަނބުރާ ރުޖޫޢަ ކުރަންޖެހޭ ކަމުގައި އަހުރެން ދެކެމެވެ. އަދި އެ ނޫން ގޮތަކަށް ކަންކުރުމަކީ އެކަށީގެންވާ ސަބަބެއްނެތި ވަޒީފާއިން ވަކިކުރާ މުވައްޒަފަކަށް ލިބެންވާނެ ކަމަށް ޤާނޫނުގައި ބަޔާންކުރާ އަސާސީ ޙައްޤުން މަޙުރޫމުކުރުން ކަމުގައި ވާނެކަމެވެ.

އިސްތިއުނާފު ކުރާ ފަރާތް ވަޒީފާއިން ވަކިކޮށްފައިވަނީ ޤައުމީ ސަލާމަތާ ރައްކާތެރިކަމުގެ ވަޒީފާއެއްގައި ހުންނަ މުވައްޒަފެއްގެ މައްޗަށް އޮންނަންޖެހޭ އިތުބާރު ގެއްލިފައިވާކަމަށް ބެލިގެންކަން އެނގެން އޮތުމުން، ވަޒީފާދޭ ފަރާތުގެ ޙައްޤުތަކަށާއި މައްސަލައިގެ ވަށައިގެންވާ ކަންކަމަށް ބަލާއިރު، އިސްތިއުނާފު ކުރާ ފަރާތުގެ ވަޒީފާ އިއާދަ ކުރުމަކީ އެންމެ މަސްލަޙަތު ހުރި ގޮތް ނޫންކަމަށް ބުނެ، ދިވެހިރާއްޖޭގެ ހައިކޯޓުން މި މައްސަލައިގައި (އެ ކޯޓުގެ ނަންބަރު 2016/HC-A/63 ޤަޟިއްޔާއިން) ފައިސަލާ ކުރިއިރު އިސްތިއުނާފު ކުރާ ފަރާތުގެ ވަޒީފާ އަނބުރާ ލިބިދޭން ނުޖެހޭ ކަމުގައި ކަނޑައަޅާފައިވަނީ، އެ ކޯޓުން މައްސަލަ ބެލިއިރު، އިސްތިއުނާފު ކުރާ ފަރާތް ވަޒީފާއިން ވަކި ކޮށްފައިވަނީ ކޮން ސަބަބަކާ ހުރެކަން އެނގެން ނެތްކަން ފާހަގަކުރުމަށްފަހު ކަމުގައިވާތީ، އެފަދައިން ދިވެހިރާއްޖޭގެ ހައިކޯޓުން ކަނޑައަޅާފައިވަނީ ކޮން ފަރާތެއްގެ މަސްލަޙަތުގައި އަދި މައްސަލައިގެ ވަށައިގެންވާ ކޮން ކަންތައްތަކެއްގެ މައްޗަށް ރިޢާޔަތްކުރުމަށް ފަހުގައިކަން އަހުރެންނަށް ސާފެއް ނުވެއެވެ. އަދި މި ރައުޔުގެ 29 އަދި 30 ވަނަ ޕެރެގްރާފުގައި ބަޔާންކޮށްފައިވާ ކަންކަން އެފަދައިން ހުރުމުން، އިސްތިއުނާފު ކުރާ ފަރާތުގެ ވަޒީފާ އިއާދަ ކުރަން ނުޖެހޭ ކަން ކަނޑައެޅުމުގައި ދިވެހިރާއްޖޭގެ ހައިކޯޓުން ފާހަގަކޮށްފައިވާ ސަބަބަކީ އެކަށޭނަ ސަބަބެއް ކަމުގައި އަހުރެން ނުދެކެމެވެ.

ބަދަލު

އިސްތިއުނާފު ކުރާ ފަރާތުންނާއި އިސްތިއުނާފު ރައްދުވާ ފަރާތުން އެދިފައިވަނީ ޓްރައިބިއުނަލްގެ ނަންބަރު 67/VTR/2015 މައްސަލައިގެ ނިންމުމަށް ރުޖޫޢަވުމަށެވެ. ޓްރައިބިއުނަލްގެ މައްސަލަ ނިންމުމުގައި، އިސްތިއުނާފު ކުރާ ފަރާތް އަދާކުރަމުންދިޔަ ވަޒީފާ އަލުން އިޢާދަކޮށްދިނުމަށާއި، އޭނާއަކީ އެއްވެސް ހާލެއްގައި ވަޒީފާއިން ވަކިވެފައިވާ މީހެއްކަމަށް ނުބެލުމަށާއި، އަދި ވަޒީފާއިން ވަކިކުރި ދުވަހުން ފެށިގެން ވަޒީފާ އަލުން ލިބޭ ދުވަހާ ހަމައަށް ލިބެންޖެހޭ މުސާރައާއި ޢިނާޔަތުގެ ގޮތުގައި ލިބިދޭންޖެހޭ ފައިސާ ދިނުމަށް ޓްރައިބިއުނަލުން އަންގާފައިވެއެވެ.

ޓްރައިބިއުނަލްގެ ނަންބަރު 67/VTR/2015 މައްސަލަ 29 ނޮވެންބަރު 2015 ގައި ނިމިފައިވާހިނދު، އެ މައްސަލައިގެ ނިންމުން ތަންފީޛުކުރުމުގެ ބަދަލުގައި މައްސަލަ އިސްތިއުނާފު ކޮށް، ޓްރައިބުނަލްގެ ނިންމުމަށްފަހު ގާތްގަނޑަކަށް 5 (ފަހެއް) އަހަރުވެފައިވާތީ، ބަދަލުގެ ގޮތުގައި ނަގާދެވިދާނެ މިންވަރާމެދު މި މައްސަލައިގެ ތެރެއިން ގޮތެއް ކަނޑައަޅަންޖެހޭ ކަމުގައި ދެކެމެވެ.

އިސްތިއުނާފު ކުރާ ފަރާތް ވަޒީފާއިން ވަކިކޮށްފައިވަނީ ޤާނޫނުގައި ބަޔާންކޮށްފައިވާ ލާޒިމު އިޖުރާއަތުގެ ބޭރުން، އެއްވެސް އެކަށޭނަ ސަބަބެއް އޮވެގެން ކަމަށް އިސްތިއުނާފު ރައްދުވާ ފަރާތަށް ދެއްކިފައިނުވާތީ، ވަޒީފާއާބެހޭ ޤާނޫނު ގެ 29 ވަނަ މާއްދާގެ (ހ) ގެ (1) ގައި ބަޔާންކުރާ ފަދައިން އިސްތިއުނާފު ކުރާ ފަރާތް އަލުން ވަޒީފާގައި ބެހެއްޓުމުގެ އިތުރުން، އޭނާއަށް ވަޒީފާއާބެހޭ ޤާނޫނު ގެ 29 ވަނަ މާއްދާގެ (ހ) ގެ (3) ގައި ބުނާ ބަދަލު ލިބިދެވެން ޖެހޭކަމުގައި ދެކެމެވެ. އެހެންނަމަވެސް، އިސްތިއުނާފު ކުރާ ފަރާތް ވަޒީފާއިން ވަކިކުރުމަށްފަހު ފާއިތުވެފައިވާ އަހަރުތަކުގެ ތެރޭގައި ހިނގާފައިވާ ކަންކަމަށް ބެލުމެއްނެތި ބަދަލު ނަގާ ދިނުމަކީ އެންމެ ޢަދުލުވެރި ގޮތްކަމުގައި ޤަބޫލެއް ނުކުރެވެއެވެ.

ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-A/36 ޤަޟިއްޔާ (މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑު ވ. އަސްފާޤު ވަޙީދު) ގައި ބަޔާންކޮށްފައިވާ ގޮތުން، ވަޒީފާއިން ވަކިކުރުމުގެ ސަބަބުން މުވައްޒަފަކަށް ގެއްލިފައިވާ އެންމެހާ މުސާރަ އާއި ޢިނާޔަތްތައް ގެއްލުމުގެ ބަދަލުގެ ގޮތުގައި އެކުގައި ނަގައި ދިނުމަކީ ކޮންމެހެން ލާޒިމުކަމެއް ނޫނެވެ. އަދި އެފަދަ ޙާލަތެއްގައި ނަގައިދޭނެ ޢަދުލުވެރި މިންވަރެއް ކަނޑައަޅާނީ ޓްރައިބިއުނަލުން ނުވަތަ ޝަރުޢީ ކޯޓަކުންނެވެ.

ބަދަލު ނަގާދިނުމުގައި ރިޢާޔަތްކުރަންވީ ކަންކަމުގެ މައްޗަށް އަލިއަޅުވާލާ، ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-A/36 ޤަޟިއްޔާ (މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑު ވ. އަސްފާޤު ވަޙީދު) ގައާއި ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-A/27 ޤަޟިއްޔާ (ޢަލީ ވަޙީދު ވ. މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ) ގައި ޖުމްލަކޮށް އަންނަނިވި ކަންކަން ފާހަގަކޮށްފައިވެއެވެ.

މުވައްޒަފު އަދާކުރި ވަޒީފާގެ ބާވަތް؛

ވަޒީފާގައި ހޭދަކުރި މުއްދަތު؛

މުވައްޒަފު ވަޒީފާއިން ވަކިކުރެވުނުއިރު ލިބެމުންދިޔަ މުސާރަ އާއި ޢިނާޔަތް؛

ވަޒީފާއިން ވަކިކުރުމުގައި ވަޒީފާދޭ ފަރާތުގެ ބޭއިންސާފު ޢަމަލުތައް ހުރި ގޮތް (ނުވަތަ ވަޒީފާއިން ވަކިކުރުމުގައި ޢަމަލުކޮށްފައިވަނީ ޢަދުލުވެރިކަމާއި ތެދުވެރިކަމާއެކު، ހެޔޮނިޔަތް އޮވެގެން ކަން ނުވަތަ ނޫންކަން)؛

ވަޒީފާއިން ވަކިކުރެވުނު ފަރާތުގެ ޢުމުރަށް ރިޢާޔަތްކޮށް އެހެން ވަޒީފާއެއް އަދާކުރެވިދާނެ ކަން ނުވަތަ ނޫންކަން؛

ވަޒީފާއިން ވަކިކުރަންޖެހުނީ އެ މުވައްޒަފެއްގެ ވެސް ކޮންމެވެސް ވަރެއްގެ ނުރަނގަޅު ޙިއްޞާއެއް ނުވަތަ އިޙުމާލެއް އޮވެގެންކަން ނުވަތަ ނޫންކަން؛

ވަޒީފާ އަދާކުރާ ފަރާތް ވަޒީފާއިން ވަކިކުރުމުން ލިބޭ ގެއްލުން ކުޑަކުރުމުގެ ގޮތުން އެއްވެސް ފިޔަވަޅެއް އަޅާފައިވާކަން ނުވަތަ ނޫންކަން އަދި ވަޒީފާއިން ވަކިކުރުމަށް ފަހުގައި (އަދި ވަޒީފާއަށް ރުޖޫޢަ ކުރަން އަމުރުކޮށްފައިވާ ނަމަ، އެފަދައިން ވަޒީފާއަށް ރުޖޫޢަކުރުމާ ހަމައަށް) ހިނގާ ދިޔަ މުއްދަތުގެ ތެރޭގައި، ވަޒީފާ އަދާކުރާ ފަރާތުން އާމްދަނީ ހޯދުމުގެ ގޮތުން ވަޒީފާއެއް އަދާކޮށްފައިވާ ކަން ނުވަތަ މަސައްކަތެއް ކޮށްފައިވާކަން؛

ވަޒީފާ އަދާކުރާ ފަރާތަށް ބަދަލު ދިނުމުގެ ސަބަބުން އޭނާއަށް ނުޙައްގު ނުވަތަ ބޭއިންސާފު މުއްސަނދިކަމެއް ލިބޭކަން ނުވަތަ ނޫންކަން؛

ބަދަލުގެ މިންވަރު ކަނޑައެޅޭއިރު ލިބެމުންދިޔަ މުސާރަ އާއި ޢިނާޔަތްތަކުގެ މައްޗަށް އެކަނި ބަލައި ބަދަލުގެ މިންވަރު ހިސާބު ކުރުމުގެ އިތުރުން، އިތުރު ބަދަލެއް ނަގާދޭންޖެހޭކަން ނުވަތަ ނޫންކަން.

ވަޒީފާއަދާ ކުރާ ފަރާތަކަށް ވަޒީފާއާބެހޭ ޤާނޫނު ގެ 29 ވަނަ މާއްދާގެ (ހ) ގެ (3) ގައި ބަޔާންކޮށްފައިވާ ބަދަލު ލިބިދިނުމުގައި، އިސްވެ ބަޔާންކޮށްފައިވާ ކަންކަމުގެ އިތުރުން، ވަޒީފާ އަދާ ކުރާ ފަރާތް ވަޒީފާއިން ވަކިކުރުމުގެ ސަބަބުން އޭނާގެ އަބުރަށް ގެއްލުން ލިބުމާއެކު، އޭގެ ސަބަބުން ވަޒީފާ އަދާ ކުރާ ފަރާތަށް އެހެން ވަޒީފާއެއް ލިބުމަށް ނުވަތަ ވަކި ފަންނެއްގެ މަސައްކަތެއް ކުރުމަށް ހުރަސް އެޅިފައިވާކަން ނުވަތަ ނޫންކަމުގެ މައްޗަށްވެސް ބަލަންވާނެ ކަމުގައި ދެކެމެވެ.

ޓްރައިބިއުނަލްގައި އަދި ދިވެހިރާއްޖޭގެ ހައިކޯޓުގައި މައްސަލަ ހިނގިއިރު ބަދަލުގެ މިންވަރެއް ކަނޑައެޅުމާ ގުޅިގެން ބަހުސްކުރެވިފައިވާކަން އެނގެން ނެތުމުން، މި ރައުޔުގެ 36 އަދި 37 ވަނަ ޕެރެގްރާފްގައި ބަޔާންކޮށްފައިވާ ކަންކަމުގެ އަލީގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ބަދަލުގެ ގޮތުގައި ލިބިދޭނެ ޢަދަދެއް ކަނޑައަޅައިފިނަމަ، އެއީ އިސްތިއުނާފު ކުރެވޭނެ ކަމެއް ކަމުގައި ނުވާނެއެވެ. އެހެންކަމުން، އެކަށީގެންވާ ބަދަލުގެ މިންވަރަކީ ކޮބައިކަން ކަނޑައެޅުމުގައި ދެފަރާތުގެ ބަސް އަޑުއަހައި، ވަޒީފާއިން ވަކިކުރުމަށް ފަހު ކަންހިނގާފައިވާ ގޮތް ބަލައި ގޮތެއް ކަނޑައެޅުމަކީ މުހިންމު ކަމެއްކަމުގައި ދެކެމެވެ. އަދި ބަދަލު ނަގައި ދިނުމަށް އެދި އިސްތިއުނާފު ކުރާ ފަރާތުން ހުށަހަޅައިފިނަމަ، ވަކި މައްސަލައެއް ގޮތުގައި ބަލައި، އެކަމުގައި ގޮތެއް ކަނޑައަޅަންޖެހޭ ކަމުގައި އަހުރެން ދެކެމެވެ.

ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ ރައުޔުމި މައްސަލައިގައި، ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރަޢުޔަށް އަހުރެން ތާއީދުކުރަމެވެ.

ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރައުޔުމި މައްސަލައިގައި ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

ޙުކުމް

ދެންފަހެ، އިސްވެ ބަޔާން ވެދިޔަ ކަންކަން އެގޮތުގެ މަތިން ހުރުމާއެކު، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HC-A/63 ޤަޟިއްޔާގެ ޙުކުމް ބާޠިލުކުރުމާއެކު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 67/VTR/2015 މައްސަލައިގެ ނިންމުމުން އިސްތިއުނާފުކުރާ ފަރާތުގެ ވަޒީފާ އިއާދަކުރުމަށް އަންގާފައިވާ ބަޔަށް ތާއީދުކޮށް، އެ މައްސަލައިގައި ބަދަލާމެދު ނިންމާފައިވާ ނިންމުން ބާޠިލުކަމުގައި ކަނޑައަޅައި، މި މައްސަލަ ބެލި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމްކޮށްފީމެވެ.

މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ:

އަޒްމިރާލްދާ ޒާހިރުޢާއިޝާ ޝުޖޫން މުޙައްމަދުޙުސްނުއްސުޢޫދު(ރިޔާސަތު)

690113752895ނޯޓު:މި ޤަޟިއްޔާގެ ޙުކުމަށް އިސްލާޙު ގެނެވިފައިމިވަނީ، 19 ނޮވެމްބަރ 2020 ދުވަހު މި ޤަޟިއްޔާގެ ޙުކުމްކުރި އިރު، ޙުކުމް އިއްވުމުގައި، ޙުކުމުގައި ހިމެނޭ ބައެއް އިއްވިފައި ނުވާތީ، އަދި އެ ދުވަހު މައްސަލައިގެ ޚަސްމުންނަށް ދޫކުރި ރިޕޯޓުގައި މަތީގައި އުނިކޮށްފައިވާ ބައި ހިމަނާފައިވާތީ، ޙުކުމް އިއްވި ގޮތަށް ރިޕޯޓުގައި އޮތުމަކީ އެންމެ އެކަށޭނަގޮތް ކަމުގައި ފެންނާތީއެވެ.22 ނޮވެމްބަރ 2020

00ނޯޓު:މި ޤަޟިއްޔާގެ ޙުކުމަށް އިސްލާޙު ގެނެވިފައިމިވަނީ، 19 ނޮވެމްބަރ 2020 ދުވަހު މި ޤަޟިއްޔާގެ ޙުކުމްކުރި އިރު، ޙުކުމް އިއްވުމުގައި، ޙުކުމުގައި ހިމެނޭ ބައެއް އިއްވިފައި ނުވާތީ، އަދި އެ ދުވަހު މައްސަލައިގެ ޚަސްމުންނަށް ދޫކުރި ރިޕޯޓުގައި މަތީގައި އުނިކޮށްފައިވާ ބައި ހިމަނާފައިވާތީ، ޙުކުމް އިއްވި ގޮތަށް ރިޕޯޓުގައި އޮތުމަކީ އެންމެ އެކަށޭނަގޮތް ކަމުގައި ފެންނާތީއެވެ.22 ނޮވެމްބަރ 2020

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ޝެއަރ ކުރައްވާ