ޢަބްދުﷲ ރަޝީދު މޫސާ ވ. ނިކަ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
ޚުލާޞާ
ޚުލާޞާ ނެތް.
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- —
- ފަހުގެ ތާރީޚު
- —
ނިންމުން
—
ކޯ ޓާމްސް
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
މި ލިޔުމުން އުޞޫލެއް ނުނެގުނު.
ފަނޑިޔާރުން
- ބެންޗު
- —
- ޚިލާފު ރައުޔު
- ނެތް
ޝަރީޢަތުގެ ވީޑިއޯ
ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.
ޝަރީޢަތް ނިމުނު ގޮތް
ޤަޟިއްޔާ ނަންބަރު:
2019/SC-A/42
އިސްތިއުނާފު ކުރާ ފަރާތް:
ޢަބްދުﷲ ރަޝީދު މޫސާ
އިސްތިއުނާފު ރައްދުވާ ފަރާތް:
ނިކަ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
މައްސަލައިގެ ބާވަތް:
އެހެނިހެން މަދަނީ މައްސަލަ
މައްސަލަ އައިގޮތް:
އިސްތިއުނާފު ކުރުމުގެ ހުއްދައަށް އެދި ހުށަހަޅާ ފޯމުން
ހުށަހެޅުނު ތާރީޚު:
22 ޖުލައި 2018ރަޖިސްޓްރީ ކުރެވުނު ތާރީޚު:
24 އެޕްރީލް 2019ނިމުނު ތާރީޚު:
23 ނޮވެމްބަރ 2020މައްސަލަބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރު، ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިން، ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްއިސްތިއުނާފު ކުރެވުނު ޤަޟިއްޔާ
ނަންބަރު:
2014/HC-A/187
ރަޖިސްޓްރީ ކުރެވުނު ތާރީޚު:
01 ޖުލައި 2014ނިންމި ކޯޓު:
ދިވެހިރާއްޖޭގެ ހައިކޯޓު
ނިމުނު ތާރީޚު:
20 ނޮވެމްބަރ 2014
ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުގެ ރައުޔު (ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިން އަދި ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމް ތާއީދު ކުރައްވާފައި)
މައްސަލައިގެ ފަސްފަހަތް
އަރިއަތޮޅު ކުޑަފޮޅުދޫ އެވެ ކިޔުނު ރަށް (ނިކަ އައިލެންޑް ރިސޯޓު) ނިކަ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ކުއްޔަށް ދިނުމަށްޓަކައި ނިކަ މޯލްޑިވްސް ޕްރައިވެޓް މިލިޓެޑް (ރަޖިސްޓްރީ ނަންބަރު(C-14/83 އާއި އަލްމަރުޙޫމު މޫސާ ޤާސިމް އާ ދެމެދު 07 މެއި 1990 ގައި އެއްބަސްވުމެއްގައި ސޮއި ކުރެވުނެވެ. މި ފަދައިން ސޮއިކުރެވުނު އިރު ނިކަ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގައި ކުއްޔަށް ދިން ފަރާތުގެ 01 (އެކެއް) ހިއްސާ ވެއެވެ. މި އެއްބަސްވުމުގެ 3 ވަނަ މާއްދާގައި ކުއްޔަށްދޭ ފަރާތުގެ ހިއްސާއަށް ކޮންމެ މަހަކު -/8,000 (އަށްހާސް) ރުފިޔާ ދޭންޖެހޭނެ ކަމަށް ބަޔާންކޮށްފައިވެއެވެ. ނަމަވެސް، މި ފައިސާ 21 ޖުލައި 1999 އިން ފެށިގެން 30 ޖުލައި 2012 ގެ ނިޔަލަށް އަލްމަރުޙޫމު މޫސާ ޤާސިމްގެ ވާރިސުންނަށް ނިކަ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ދައްކާފައި ނުވެއެވެ. ވުމާއެކު މި ފައިސާ ހޯދުމަށް އަލްމަރުޙޫމު މޫސާ ޤާސިމްގެ ވާރިސުން ސިވިލް ކޯޓުގައި ދަޢުވާކުރިއެވެ.
ސިވިލް ކޯޓުން މައްސަލަ ނިންމާފައިވާ ގޮތް
މޫސާ ޤާސިމްގެ ވާރިސުން ހުށަހެޅި މައްސަލަ ބަލާފައިވަނީ ސިވިލް ކޯޓުގެ ނަންބަރު1428/Cv-C/2012 ޤަޟިއްޔާއިންނެވެ. މި ޤަޟިއްޔާގައި މޫސާ ޤާސިމްގެ ވާރިސުން އަންނަނިވި ކަންކަމަށް އެދިފައިވެއެވެ.
އއ. ކުޑަފޮޅުދޫ ކުއްޔަށް ދިނުމަށްޓަކައި ނިކަ މޯލްޑިވްސް ޕވޓ ލޓޑ އާ އަލްމަރުޙޫމް މޫސާ ޤާސިމްއާ ދެމެދު 07 މެއި 1990 ގައި ސޮއިކޮށް ކޯޓު ނަންބަރު 3 ގައި ރަޖިސްޓްރީ ކޮށްފައިވާ ނަންބަރު C-3/C-5/90 އެގްރިމެންޓުގެ 3 ވަނަ މާއްދާގައި "ކުއްޔަށްދޭ ފަރާތުގެ ހިއްސާއަށް ކޮންމެ މަހަކު -/8,000ރ (އަށްހާސް ރުފިޔާ) ދޭންޖެހޭނެ ކަމަށް ބަޔާންކޮށްފައިވީ ނަމަވެސް، 21 ޖުލައި 1999 ދުވަހުން ފެށިގެން މިއަދާ ހަމައަށް ކުއްޔަށްދޭ ފަރާތުގެ ހިއްސާއަށްވާ އިސްވެ ދެންނެވުނު ރޭޓުން އެއްވެސް މިންވަރަކަށް ފައިސާ ދައްކާފައި ނުވާތީ، ބަޔާންވެދިޔަ އެގްރިމެންޓާ ނިކަ މޯލްޑިވްސް ޕވޓ ލޓޑ އިން ޚިލާފުވެފައިވާތީ އެ އެގްރިމެންޓަކީ ބާޠިލް އެގްރިމެންޓެއްކަމަށް ޝަރީޢަތުން ކަނޑައަޅުއްވައި ދެއްވުމަށާއި؛
އއ. ކުޑަފޮޅުދޫ އެވެކިޔާ ރަށް (ނިކަ އައިލެންޑް ރިސޯޓް) މިހާރުން މިހާރަށް ޢަބްދުﷲ ރަޝީދު މޫސާއާ ޙަވާލުކުރުމަށާއި؛
21 ޖުލައި 1999 ދުވަހުން ފެށިގެން 30 ޖުލައި 2012 ދުވަހުގެ ނިޔަލަށް ވޭތުވެދިޔަ 13 އަހަރާއި 09 މަސް ދުވަހަށް، އިސްވެ ދެންނެވުނު ހިއްސާގެ ރޭޓުން -/1,250,400 (އެއްމިލިއަން ދެލައްކަ ފަންސާސް ހާސް ހަތަރު ސަތޭކަ) ރުފިޔާ ނިކަ މޯލްޑިވްސް ޕވޓ ލޓޑގެ ފަރާތުން ޢަބްދުﷲ ރަޝީދު މޫސާއަށް ލިބެންޖެހޭ ކަމަށާއި؛
އއ. ކުޑަފޮޅުދޫ ހިމެނޭ ސަރަހައްދުގައިވާ އެހެނިހެން ރިސޯޓުތަކުގެ މަހު ކުލީގެ މިންވަރު ޝަރީޢަތް މެދުވެރިކޮށް ކަމާބެހޭ ފަރާތުން ހޯއްދަވައި ދެއްވައި 21 ޖުލައި 1999 ދުވަހުން ފެށިގެން ނިކަ އައިލެންޑް ރިސޯޓު ޢަބްދުﷲ ރަޝީދު މޫސާއާ ޙަވާލުކުރާ ދުވަހާ ހަމައަށް ޖެހޭ މިންވަރާއެކު އެކީ އެއްފަހަރާ ހޯދައިދިނުމަށް އެދިފައިވެއެވެ.
އެ ޤަޟިއްޔާ ނިންމާފައިވަނީ ނިކަ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގައިވާ އަލްމަރުޙޫމު މޫސާ ޤާސިމްގެ 01 (އެކެއް) ހިއްސާއަކީ އަލްމަރުޙޫމް މޫސާ ޤާސިމްގެ ވާރިސުންނަށް މިލްކުވެރިކަމުގެ ޙައްޤު ލިބިގެންވާ ހިއްސާއެއް ކަމަށާއި، ނަމަވެސް އެ ހިއްސާ ޝަރީޢަތް މެދުވެރިކޮށް ވާރިސުންގެ މެދުގައި ހަމަޖައްސާފައިވާކަން އެނގެން ނެތުމާއި، އެ ފަދައިން ހިއްސާ ހަމަޖައްސައި، ނިކަ މޯލްޑިވްސް އަށް އަންގާފައިވާކަން ދަޢުވާކުރާ ފަރާތަށް ސާބިތުކޮށްދެވިފައި ނުވާތީ، ނިކަ މޯލްޑިވްސްގައިވާ އަލްމަރުޙޫމު މޫސާ ޤާސިމްގެ ހިއްސާ ތަރިކައިން އަލްމަރުޙޫމު މޫސާ ޤާސިމްގެ ވާރިސުންގެ މެދުގައި ހަމަޖެއްސުމެއްނެތި، އެ ހިއްސާއަށްވާ ފައިސާ ދޫކުރުމަށް ނިކަ މޯލްޑިވްސްއަށް އަންގާނެ ތަނެއް ނެތްކަމުގައި ކަނޑައަޅައެވެ.
މީގެ އިތުރުން ސިވިލް ކޯޓުގެ އެ ޤަޟިއްޔާގައި، "އަދި އެ ރިޒޯޓަކީ ޤާނޫނު ނަންބަރު 3/94 (ޓޫރިސްޓް ރިޒޯޓް ހެދުމަށް ފަޅުރަށް ރަށް ދޫކުރުމާބެހޭ ޤާނޫނު) ގައިވާ ގޮތުގެމަތީން ނިކަ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް މިނިސްޓްރީ އޮފް ޓޫރިޒަމުން ދޫކޮށްފައިވާ ރަށެއްކަމުގައިވާތީ، ކޯޓު ނަންބަރު 3 ގައި ރަޖިސްޓްރީ ކުރެވިފައިވާ ނަންބަރު C-3/C-5/90 އެއްބަސްވުން ބާޠިލްކުރުމާމެދު އިތުރަށް ގޮތެއް ކަނޑައަޅަން ނުޖެހޭކަމާއި، އަދި އަލްމަރުޙޫމް މޫސާ ޤާސިމްގެ ވާރިސުންނަށް އެ ރަށް ޙަވާލުކުރުމަށް އަންގާނެ ތަނެއް ނެތްކަމަށް ކަނޑައަޅައި ޙުކުމްކޮށްފީމެވެ." މިފަދައިން ކަނޑައަޅައި ނިންމާފައިވެއެވެ.
ދިވެހިރާއްޖޭގެ ހައިކޯޓުން މައްސަލަ ނިންމާފައިވާ ގޮތް
ބުނެވިދިޔަ ސިވިލް ކޯޓުގެ ނަންބަރު 1428/Cv-C/2012 ޤަޟިއްޔާ ނިންމާފައިވަނީ ޤާނޫނާ ޚިލާފަށް ކަމުގައި ބުނެ އަލްމަރުޙޫމް މޫސާ ޤާސިމްގެ ވާރިސުންގެ ތެރެއިން، ޢަބްދުﷲ ރަޝީދު މޫސާ ދިވެހިރާއްޖޭގެ ހައިކޯޓުގައި އެ މައްސަލަ އިސްތިއުނާފު ކުރިއެވެ. ހައިކޯޓުން އެ މައްސަލަ ބަލާފައިވަނީ އެ ކޯޓުގެ ނަންބަރު 2014/HC-A/187 ޤަޟިއްޔާއިންނެވެ.
ހައިކޯޓުގައި މި މައްސަލަ އިސްތިއުނާފު ކުރަމުން ޢަބްދުﷲ ރަޝީދު މޫސާގެ ފަރާތުން މައިގަނޑު ގޮތެއްގައި ފާހަގަ ކޮށްފައިވަނީ 04 (ހަތަރެއް) ނުކުތާއެވެ. އެ ހަތަރު ނުކުތާއަކީ؛
6.1- އއ. ކުޑަފޮޅުދޫއަކީ އަލްމަރްޙޫމް މޫސާ ޤާސިމަށް ވަކި އެއްބަސްވުމެއްގެ ދަށުން ސަރުކާރުން ވަރުވާއަށް ދޫކޮށްފައިވާ ރަށެއްކަމަށްވެފައި އެ އެއްބަސްވުމުގެ ދަށުން ދައުލަތުން އަލްމަރުޙޫމް މޫސާ ޤާސިމަށް ދީފައިވާ ޙައްޤުތައް އޭނާގެ އަތުން އެ ރަށް ކުއްޔަށް ހިފި ފަރާތަށް ބަދަލުވީ ގޮތެއް ސިވިލް ކޯޓުގެ ޙުކުމުގައި ބަޔާންކޮށްފައި ނުވުމާއި ޤާނޫނީގޮތުން އެކަން އޮތްގޮތް ރަނގަޅަށް ސާފުކޮށްފައި ނުވާކަމަށް ބުނެ ހުށަހެޅި ނުކުތާއާއި؛
6.2- އއ. ކުޑަފޮޅުދޫގައި ހުރި ޢިމާރާތްތަކުގެ ވެރިފަރާތަކީ އަލްމަރުޙޫމް މޫސާ ޤާސިމްކަން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ނަންބަރު B2-07/2008 ލިޔުމުގައި ބަޔާންކޮށްފައި އޮއްވައި ދެންނެވުނު ޢިމާރާތްތަކުގެ މިލްކުވެރިކަން ނިކަ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ބަދަލުވީ ގޮތެއް އެނގެން ނެތްއިރު، ދަޢުވާ ލިބޭ ފަރާތަކީ އެ ޢިމާރާތްތަކުގެ ވެރިފަރާތުގެ ގޮތުގައި ދަށު ކޯޓުން ޙުކުމް ކުރުމުގައި ބަލާފައިވާކަމަށްބުނެ ހުށަހެޅި ނުކުތާއާއި؛
6.3- ނިކަ މޯލްޑިވްސް ޕވޓ ލޓޑ އިން އއ. ކުޑަފޮޅުދޫގައި ރިޒޯޓް ހިންގަމުންދަނީ ޓޫރިސްޓް ރިޒޯޓްތައް ހެދުމަށް ފަޅުރަށް ރަށް ދޫކުރުމާބެހޭ ޤާނޫނު ގެ ދަށުން މިނިސްޓްރީ އޮފް ޓޫރިޒަމްއާއި ދަޢުވާ ލިބޭ ފަރާތާ ދެމެދު ވެފައިވާ އެއްބަސްވުމެއްގެ ދަށުންކަން ފާހަގަ ކުރައްވާފައިވާއިރު ޤާނޫނީ ގޮތުން އެހެން ފަރާތެއްގެ ޙައްޤެއް އޮތް ރަށަކާމެދު، އެއްބަސްވުމެއް އެކުލަވާލެވުނު ގޮތާއި ޤާނޫނީ ގޮތުން އެފަދަ އެއްބަސްވުމެއްގެ ބުރަދަނަށް ދަށު ކޯޓުން ރިޢާޔަތްކޮށްފައި ނުވާކަމަށް ބުނެ ހުށަހެޅި ނުކުތާއާއި؛
6.4- ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2011/SC-A/02 ޤަޟިއްޔާގެ 14 ވަނަ ނަންބަރުގެ މަފްޙޫމް އޮޅޭގޮތަށް ދަށު ކޯޓުގެ ޙުކުމުގައި މާނަކޮށްފައިވުންކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
ހައިކޯޓުގައި ދެ ފަރާތުން ދެއްކި ވާހަކަތަކަށާއި، ހުށަހެޅިފައިވާ އެންމެހައި ލިޔެކިޔުންތަކަށް ރިޢާޔަތްކުރުމަށްފަހު، މި މައްސަލައިގައި ސިވިލް ކޯޓުން ކޮށްފައިވާ ޙުކުމަށް ހައިކޯޓުން ތާއީދުކޮށްފައިވެއެވެ.
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރި ނުކުތާތަކާއި އެ ނުކުތާތަކުގެ ރައްދު
ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2014/HC-A/187 ޤަޟިއްޔާ ނިންމާފައިވަނީ ޤާނޫނާ އެއްގޮތަށް ނޫންކަމުގައި ޢަބްދުﷲ ރަޝީދު މޫސާގެ ފަރާތުން އަންނަނިވި ނުކުތާތައް ފާހަގަކޮށް މި މައްސަލަ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައިވެއެވެ.
ފުރަތަމަ ނުކުތާއަކީ، ހުށަހެޅިފައިވާ ދަޢުވާއަށް މައުޟޫޢީ ގޮތުން ފައިސަލާކުރުމަކާ ނުލައި ނިންމާ ނިންމުންތަކަކީ މަދަނީ އިޖުރާއަތާ އެއްގޮތް ނިންމުންތަކެއް ނޫންކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2016/SC-A/22 ޤަޟިއްޔާގައި ކަނޑައަޅާފައިވާ ހިނދު، ސިވިލް ކޯޓުގެ ނަންބަރު 1428/Cv-C/2012 ޤަޟިއްޔާއިން ކޮށްފައިވާ ޙުކުމަކީ ހުށަހެޅިފައިވާ ދަޢުވާއަށް ފައިސަލާ ކުރުމަކާ ނުލައި ނިންމާފައިވާ ނިންމުމަކަށްވާތީ، އެ ޙުކުމާއި، އެ ޙުކުމަށް ތާއީދުކޮށް ނިންމާފައިވާ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2014/HC-A/187 ޤަޟިއްޔާއަކީ މަދަނީ އިޖުރާއަތާ ޚިލާފަށް ނިންމާފައިވާ ނިންމުމެއް ކަމުގައި ބުނެ ހުށަހެޅި ނުކުތާއެވެ.
ދެވަނަ ނުކުތާއަކީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2014/HC-A/187 ޤަޟިއްޔާ ނިންމާފައިވަނީ ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނުގެ 38 ވަނަ މައްދާއާ ޚިލާފަށް ކަމަށްބުނެ ހުށަހެޅި ނުކުތާއެވެ.
ތިންވަނަ ނުކުތާއަކީ، އިސްތިއުނާފު ކުރެވޭ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު2014/HC-A/187 ޤަޟިއްޔާގެ ޙުކުމަށް ހައިކޯޓުން ވާސިލުވުމުގައި ހަވާލާ ދީފައިވާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2011/SC-A/02 ޤަޟިއްޔާއިން ކަނޑައަޅާފައިވާ އަޙްކާމުތައް ރިވިއުކޮށްދިނުމަށް، މި ޤަޟިއްޔާގެ ތެރެއިން އިސްތިއުނާފު ކުރާ ފަރާތުން އެދޭ ސަބަބުތަކުގެ މައްޗަށް ބަލާއިރު، މި މައްސަލައިގައި ދިވެހިރާއްޖޭގެ ހައިކޯޓުން ކޮށްފައިވާ ޙުކުމް ޤާނޫނީ އުސޫލުތަކާއި ހަމަތަކާ އެއްގޮތްވެގެން ނުވާކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ. މި ނުކުތާ ފާހަގަ ކުރަމުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު ޤަޟިއްޔާ ރިވިއު ކޮށްދިނުމަށް އެދޭ ސަބަބުތަކުގެ ގޮތުގައި އަންނަނިވި ސަބަބުތައް އިސްތިއުނާފުކުރާ ފަރާތުން ހުށަހަޅާފައިވެއެވެ.
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2011/SC-A/02 ޤަޟިއްޔާ މައުޟޫޢީ ގޮތުން ބެލުމުގައި އިޖުރާއީ ގޮތުން ނުރަނގަޅު ކަންތައްތަކެއް ހުރިކަމުގައި އިސްތިއުނާފުކުރާ ފަރާތުން ދެކޭކަމަށާއި،
8.3.2- ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2011/SC-A/02 ޤަޟިއްޔާ ރިވިއުކޮށް ދިނުމަށް ހުށަހަޅާ ދެވަނަ ސަބަބަކީ، އިސްވެ ބަޔާންކުރެވުނު ކޯޓުތަކުގެ ޤާނޫނުގެ 18 ވަނަ މާއްދާއާއި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޤަވާއިދުގެ 44 ވަނަ މާއްދާއިން ތަރުތީބުކޮށްފައިވާ އިޖުރާއަތަށް ފުންކޮށް ނަޒަރުކުރާއިރު، އެ އުޞޫލުތަކުގެ ބޭނުމަކީ، ޝަރުޢީ ނިޒާމުގެ ތެރެއަށް ހުށަހެޅޭ ދަޢުވާތަކުގެ މައުޟޫޢާމެދު ބަހުސްކުރުމަށް ތިން މަރުޙަލާއިން ޝަރީޢަތް ކުރެވުމުގެ ފުރުޞަތު ކަށަވަރުކޮށް ދިނުންކަން ޔަޤީންކުރުމެވެ. ނަމަވެސް، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ޢަމަލުކޮށްފައިވާ ގޮތުގެ ސަބަބުން އެ ޤަޟިއްޔާގައި އިސްތިއުނާފުކުރާ ފަރާތަށްވަނީ އެ ފުރުޞަތު ގެއްލިގެން ގޮސްފައިވާކަމަށް ބުނެ އިސްތިއުނާފުކުރާ ފަރާތުން ހުށަހެޅި ސަބަބުތަކެވެ.
ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2014/HC-A/187 ޤަޟިއްޔާ ނިންމާފައިވަނީ ޤާނޫނާ އެއްގޮތަށް ނޫންކަމުގައި ޢަބްދުﷲ ރަޝީދު މޫސާގެ ފަރާތުން ފާހަގަކުރި ނުކުތާތަކަށް ރައްދު ދިނުމުގެ ގޮތުން އިސްތިއުނާފު ރައްދުވާ ފަރާތުން އަންނަނިވި ކަންކަން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ފާހަގަ ކޮށްފައިވެއެވެ.
ސިވިލް ކޯޓުގެ ނަންބަރު 1428/Cv-C/2012 ޤަޟިއްޔާއިން ކޮށްފައިވާ ޙުކުމަކީ ހުށަހެޅިފައިވާ ދަޢުވާއަށް ފައިސަލާ ކުރުމަކާ ނުލައި ނިންމާފައިވާ ނިންމުމަކަށްވާތީ، އެ ޙުކުމާއި، އެ ޙުކުމަށް ތާއީދުކޮށް ނިންމާފައިވާ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2014/HC-A/187 ޤަޟިއްޔާއަކީ މަދަނީ އިޖުރާއަތާ ޚިލާފަށް ނިންމާފައިވާ ނިންމުމެއް ކަމުގައި އިސްތިއުނާފުކުރާ ފަރާތުން ބުނިނަމަވެސް، އެއީ ޙަޤީޤަތާ އެއްގޮތަށް ބުނާ ބުނުމެއް ނޫންކަމަށާއި، އިސްތިއުނާފު ކުރެވޭ މައްސަލައިގައި ސިވިލް ކޯޓަށް ހުށަހެޅުނު ދަޢުވާއަކީ ކޯޓު ނަންބަރު 03 ގައި ރަޖިސްޓްރީ ކޮށްފައިވާ ނަންބަރު C-3/C-5/90 އެއްބަސްވުމުގެ 03 ވަނަ މާއްދާގެ ދަށުން ލިބެންޖެހޭ ފައިސާއެއް ނުލިބިވާކަމަށް ބުނެ އެ ފައިސާ ހޯދުމަށާއި، އަދި އެ ފައިސާ އެ ފަރާތަށް ލިބިދީފައި ނުވާތީ އެކަމުގެ މައްޗަށް ބިނާކޮށް އެއްބަސްވުން ބާޠިލުކޮށް އެއްބަސްވުމުގައި ބަޔާންވެފައިވާ ރަށް ކަމުގައިވާ އއ. ކުޑަފޮޅުދޫ ލިބިގަތުމަށް ކުރި ދަޢުވާއަކަށް ވެފައި އެ ދަޢުވާގެ އެންމެހައި ބައިތަކަށް ފުރިހަމައަށް ސިވިލް ކޯޓާއި ހައިކޯޓުން ރިޢާޔަތްކޮށްފައިވާކަން.
ދިވެހިރާއްޖޭގެ ހައިކޯޓުން މި މައްސަލަ ބަލައި ނިންމުމުގައި ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނުގެ 38 ވަނަ މާއްދާއާ ޚިލާފު ވެފައިވާކަމަށް ނުބުނެވޭނެ ކަމަށާއި، އެހެނީ ނިކަ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގައިވާ އަލްމަރުޙޫމު މޫސާ ޤާސިމުގެ ހިއްސާއަކީ އަލްމަރުޙޫމު މޫސާ ޤާސިމްގެ ވާރިސުންނަށް މިލްކުވެރިކަމުގެ ޙައްޤު ލިބިފައިވާ ހިއްސާއެއް ކަމާމެދު ޚިލާފެއް ނެތްކަމަށާއި، އެ ހިއްސާއަށްވާ ފައިސާ ވާރިސުންނަށް ލިބިދީފައިނުވަނީ ޝަރީޢަތް މެދުވެރިކޮށް ވާރިސުންގެ މެދުގައި މި ހިއްސާ ހަމަޖައްސާފައިވާކަން އެނގެން ނެތުމުންކަން ދެ މަރުޙަލާގެ ކޯޓުގެ ނިންމުމުން ސާފުވާކަން.
ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރެވިފައިވާ މި މައްސަލައަކީ ހައިކޯޓުގެ ނަންބަރު 2014/HC-A/187 ޤަޟިއްޔާ ނިންމާފައިވަނީ ޤާނޫނާ ޚިލާފަށް ކަމަށް އިސްތިއުނާފު ކުރާ ފަރާތަށް ފެނިގެން ހުށަހަޅާފައިވާ މައްސަލައެއްކަމުގައިވާތީ، މި މައްސަލައިގެ އިސްތިއުނާފީ ނުކުތާއެއްގެ ގޮތުގައި ސުޕްރީމް ކޯޓުގެ ނަންބަރު 2011/SC-A/02 ޤަޟިއްޔާގެ އަޙްކާމުތައް މުރާޖަޢާ ކޮށްދިނުމަށް ހުށަހެޅިދާނެކަމަށް ޤަބޫލު ނުކުރެވޭކަމަށާއި، މި ބުނެވުނު ސުޕްރީމް ކޯޓުގެ ޤަޟިއްޔާގެ އަޙްކާމުތައް މުރާޖަޢާކުރާނަމަ އެ ކަމުގައި ޢަމަލުކުރަންޖެހޭނީ ވަކި ޤާނޫނީ އުސޫލަކުން ކަމަށާއި، މި މައްސަލައިގެ އިސްތިއުނާފީ މަރުޙަލާގައި އެ ޤަޟިއްޔާގެ އަޙްކާމުތައް މުރާޖަޢާކުރުމަށް އެދުނު ނަމަވެސް ސުޕްރީމް ކޯޓުގެ ނަންބަރު 2016/SC-A/22 ޤަޟިއްޔާގައި ފާހަގަ ކޮށްފައިވާ ފަދަ ޤަޟިއްޔާއެއްގެ އަޙްކާމުތައް މުރާޖަޢާ ކުރަންޖެހޭފަދަ ސަބަބެއް މި މައްސަލައިގައި ހުށަހެޅިފައި ނުވާކަން.
ދަޢުވާއަށް މައުޟޫޢީ ގޮތުން ފައިސަލާކުރުން
މި މައްސަލައިގައި އިސްތިއުނާފު ކުރާ ފަރާތުން ހުށަހަޅާފައިވާ އިސްތިއުނާފީ ފުރަތަމަ ނުކުތާގައި އެ ފަރާތުން ފާހަގަކުރަނީ މި މައްސަލައިގައި ސިވިލް ކޯޓުން މައްސަލަ ނިންމާފައިވަނީ ދަޢުވާއަށް މައުޟޫޢީ ގޮތުން ފައިސަލާ ކުރުމަކާ ނުލައި ކަމަށެވެ. އަދި މިފަދައިން ސިވިލް ކޯޓުން ނިންމާފައިވާ ނިންމުމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ތާއީދުކޮށްފައިވާ ތާއީދުކުރުމަކީ މަދަނީ އިޖުރާއަތާ ޚިލާފަށް ނިންމާފައިވާ ނިންމުމެއްކަމަށެވެ.
ސިވިލް ކޯޓުން ދަޢުވާއަށް މައުޟޫޢީ ގޮތުން ފައިސަލާކޮށްފައިވާކަން ނުވަތަ ނޫންކަން ބެލުމަށްޓަކައި އިސްތިއުނާފު ކުރާ ފަރާތުން ސިވިލް ކޯޓަށް މި މައްސަލައިގައި ހުށަހެޅި ދަޢުވާއަށް ބަލަންޖެހެއެވެ. މި ދަޢުވާއަށް ބަލާއިރު ދަޢުވާ ބިނާވެފައިވަނީ އަންނަނިވި ކަންކަމުގެ މައްޗަށެވެ.
އަރިއަތޮޅު ކުޑަފޮޅުދޫ އެވެ ކިޔުނު ރަށް ނިކަ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ކުށްޔަށް ދިނުމަށްޓަކައި އެ ކުންފުންޏާއި އަލްމަރުޙޫމު މޫސާ ޤާސިމާދެމެދު ކުރެވިފައިވާ ނަންބަރު C-3/C-5/90 އެއްބަސްވުމުގެ 03 ވަނަ މާއްދާގައި "ކުއްޔަށްދޭ ފަރާތުގެ ހިއްސާއަށް ކޮންމެ މަހަކު -/8,000ރ. ދޭންޖެހޭނެކަމަށް ބަޔާންކޮށްފައި ވީނަމަވެސް 21 ޖުލައި 1999 އިން ފެށިގެން އެ ފައިސާ އެއްވެސް މިންވަރަކަށް ދައްކާފައިނުވާތީ،
އެ އެއްބަސްވުމާ ނިކަ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ޚިލާފުވެފައިވާ ކަމަށާއި،
އެ އެއްބަސްވުމަކީ މިހާރު ބާޠިލު އެއްބަސްވުމެއް ކަމަށް ކަނޑައަޅައި ދިނުމަށާއި،
އަރިއަތޮޅު ކުޑަފޮޅުދޫ އެވެ ކިޔުނު ރަށް މިހާރުން މިހާރަށް ލިބިގަތުމަށާއި،
21 ޖުލައި 1999 އިން 30 ޖުލައި 2012 ގެ ނިޔަލަށް ވޭދުވެދިޔަ 13 އަހަރާއި 09 ދުވަހަށް ހިއްސާއަށްޖެހޭ ރޭޓުން ލިބެންޖެހޭ -/1,250,400 (އެއްމިލިއަން ދެލައްކަ ފަންސާސް ހާސް ހަތަރު ސަތޭކަ) ރުފިޔާ އެކީ އެއްފަހަރާ ލިބިގަތުމަށާއި،
އެ ރަށް އިސްތިއުނާފު ކުރާ ފަރާތާ ޙަވާލުކުރެވޭ ދުވަހާ ހަމައަށް އެއްބަސްވުމުގެ 03 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ރޭޓުން ޖެހޭ މިންވަރު އެކީ އެއްފަހަރާ ހޯދުމަށާއި،
އއ. ކުޑަފޮޅުދޫ ހިމެނޭ ސަރަހައްދުގައިވާ އެހެނިހެން ރިސޯޓުތަކުގެ މަހުކުލީގެ މިންވަރު ޝަރީޢަތް މެދުވެރިކޮށް ސާފުކުރުމަށްފަހު 21 ޖުލައި 1999 އިން ފެށިގެން އެ ރަށް ޙަވާލުކުރާ ދުވަހާ ހަމައަށް ޖެހޭ މިންވަރު އެކީ އެއްފަހަރާ ހޯދައިދިނުމުގެ މައްޗަށެވެ.
ބުނެވިދިޔަ ދަޢުވާ ފަރުމާކޮށްފައިވާ ގޮތަށް ބަލާއިރު، ދަޢުވާގެ އަސްލު ބިނާވެފައިވަނީ ހިއްސާގެ ފައިސާ ހޯދުމުގެ މައްޗަށެވެ. އޭގެ އިތުރަށް ދަޢުވާގައި ބަޔާންވެފައިވާ އެހެނިހެން ކަންކަމަކީ އެ ފައިސާ ލިބިދީފައި ނުވާތީ، އޭގެ މައްޗަށް އިސްތިއުނާފު ކުރާ ފަރާތުން ގެންނަން ބޭނުންވާ ނަތީޖާތަކެކެވެ.
ދަޢުވާގެ އަސްލާމެދު ސިވިލް ކޯޓުން މައްސަލަ ބެލި ފަނޑިޔާރު ނިންމާފައިވަނީ، "ނިކަ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގައިވާ އަލްމަރުޙޫމު މޫސާ ޤާސިމްގެ 01 (އެކެއް) ހިއްސާއަކީ އަލްމަރުޙޫމު މޫސާ ޤާސިމްގެ ވާރިސުންނަށް މިލްކުވެރިކަމުގެ ޙައްޤު ލިބިފައިވާ ހިއްސާއެއްކަމުގައިވާހިނދު، މި ހިއްސާ ޝަރީޢަތް މެދުވެރިކޮށް ވާރިސުންގެ މެދުގައި ހަމަޖައްސާފައިވާކަން އެނގެން ނެތުމާއި، އަދި އެފަދައިން އެ ހިއްސާ ހަމަޖައްސައި ނިކަ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް އަންގާފައިވާކަން އަލްމަރުޙޫމު މޫސާ ޤާސިމްގެ ވާރިސުންނަށް ސާބިތުކޮށްދެވިފައި ނުވާތީ، ނިކަ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގައިވާ އަލްމަރުޙޫމު މޫސާ ޤާސިމްގެ ހިއްސާ ތަރިކައިން އަލްމަރުޙޫމު މޫސާ ޤާސިމްގެ ވާރިސުންގެ މެދުގައި ހަމަޖެއްސުމެއްނެތި އެ ހިއްސާއަށްވާ ފައިސާ ދޫކުރުމަށް ނިކަ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް އަންގާނެ ތަނެއް ނެތްކަމަށާއި..." މި ފަދައިންނެވެ.
ސިވިލް ކޯޓުގައި މައްސަލަ ބެލި ފަނޑިޔާރު މަތީގައި ބުނެވިދިޔަ ފަދައިން ނިންމާފައިވަނީ ދެ ފަރާތުން އެ ކޯޓުގައި ދައްކާފައިވާ ވާހަކަތަކުން އެކަން ސާފުކޮށް އެނގޭތީއެވެ. އަދި މި ނިންމުމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުން ތާއީދުކޮށްފައިވަނީ މި މައްސަލައިގައި ވާހަކަދެކެވޭ ހިއްސާ ޝަރީޢަތް މެދުވެރިކޮށް އަލްމަރުޙޫމު މޫސާ ޤާސިމްގެ ވާރިސުންގެ މެދުގައި ހަމަޖައްސައި ނިކަ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް އަންގާފައިވާކަން އަލްމަރުޙޫމު މޫސާ ޤާސިމްގެ ވާރިސުންނަށް ސިވިލް ކޯޓާއި ހައިކޯޓުގައިވެސް ސާބިތުކޮށްދެވިފައި ނުވާތީކަން އެނގެއެވެ.
މީގެ އިތުރަށް، މި ނުކުތާ ހުށަހަޅައި، އިސްތިއުނާފު ކުރާ ފަރާތުން ދެއްކި ވާހަކަތަކުންނާއި، ހުށަހަޅާފައިވާ ލިޔެކިޔުންތަކަށް ބަލާއިރު، މި ނުކުތާގައި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުން ނިންމާފައިވާ ނިންމުން ޤާނޫނާ ޚިލާފުވާ ސަބަބެއް، ނުވަތަ އެ ނިންމުމުގެ ސަބަބުން އުފެދޭ ޤާނޫނީ ބަހުސެއް އިސްތިއުނާފު ކުރާ ފަރާތަށް ބުނެދެވިފައި ނުވެއެވެ. ވުމާއެކު މިފަދައިން ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައިވާ ނިންމުމަކީ ޤާނޫނާ ޚިލާފަށް ނިންމާފައިވާ ނިންމުމެއް ކަމުގައި އަހުރެން ނުދެކެމެވެ.
ކުންފުންޏާބެހޭ ޤާނޫނުގެ 38 ވަނަ މާއްދާ
އިސްތިއުނާފު ކުރާ ފަރާތުން ފާހަގަކުރާ ދެވަނަ އިސްތިއުނާފީ ނުކުތާގައި އެ ފަރާތުން ބުނަނީ، މި މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައިވަނީ ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނުގެ 38 ވަނަ މާއްދާއާ ޚިލާފަށެވެ.
ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނުގެ 38 ވަނަ މާއްދާގައި އޮންނަނީ، "ކުންފުންޏެއްގެ މެންބަރަކު މަރުވެއްޖެނަމަ، އެ މަރުވި މެންބަރުގެ ހިއްޞާގެ ޙައްޤުވެރިޔާ ނުވަތަ ޙައްޤުވެރިން ކަމުގައި ޝަރުޢީ ކޯޓަކުން ނިންމާ މީހަކު ނުވަތަ ބަޔަކު، އެ މަރުވި މެންބަރުގެ ހިއްޞާގެ ވެރިޔާ ނުވަތަ ވެރިންގެ ގޮތުގައި، އެ ކުންފުންޏެއްގެ ހިންގާ ގަވާއިދާ ޚިލާފު ނުވާނެ ގޮތުގެމަތިން ރަޖިސްޓަރީ ކޮށްދެވިދާނެ އެވެ." މި ފަދައިންނެވެ.
ބުނެވިދިޔަ މާއްދާއާ ހަވާލާދީ ހައިކޯޓުން މައްސަލަ ބެލި ފަނޑިޔާރުން ފާހަގަކޮށްފައިވަނީ ކުރިންވެސް އިޝާރާތް ކުރެވުނު ފަދައިން ނިކަ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގައިވާ އަލްމަރުޙޫމު މޫސާ ޤާސިމްގެ 01 (އެކެއް) ހިއްސާއަކީ އަލްމަރުޙޫމު މޫސާ ޤާސިމްގެ ވާރިސުންނަށް މިލްކުވެރިކަމުގެ ޙައްޤު ލިބިފައިވާ ހިއްސާއެއްކަމުގައި ވީނަމަވެސް މި ހިއްސާ ޝަރީޢަތް މެދުވެރިކޮށް ވާރިސުންގެ މެދުގައި ހަމަޖައްސާފައިވާކަން އެނގެން ނެތްކަމަށެވެ. އަދި އެފަދައިން މި ހިއްސާ ހަމަޖައްސައި ނިކަ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް އަންގާފައިވާކަން އަލްމަރުޙޫމު މޫސާ ޤާސިމްގެ ވާރިސުންނަށް ހައިކޯޓުގައިވެސް ސާބިތުކޮށްދެވިފައިނުވާ ކަމަށެވެ.
އިސްތިއުނާފު ކުރާ ފަރާތުން ދެކޭ ގޮތުގައި އަލްމަރުޙޫމު މޫސާ ޤާސިމްގެ ވާރިސުންނަކީ ކޮބައިކަން އއ. ބޮޑުފޮޅުދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 01/1-6-C/93 ޤަޟިއްޔާއިން ކަނޑައެޅިފައިވާތީއާއި، އަލްމަރުޙޫމު މޫސާ ޤާސިމްގެ ހިއްސާގެ ޙައްޤު ވެރިންނަކީ އޭނާގެ ވާރިސުންކަން ސުޕްރީމް ކޯޓުގެ ނަންބަރު 2011/SC-A/02 ޤަޟިއްޔާއިން ކަނޑައެޅިފައިވާތީ، އެ ހިއްސާއަށްވާ ފައިސާ އަލްމަރުޙޫމު މޫސާ ޤާސިމްގެ ވާރިސުންނަށް ދޫކުރެވެންޖެހޭނެ ކަމަށެވެ.
ބުނެވިދިޔަ ފަދައިން އިސްތިއުނާފު ކުރާ ފަރާތުން ފާހަގަކުރި ނަމަވެސް، އަލްމަރުޙޫމު މޫސާ ޤާސިމްގެ ހިއްސާ ތަރިކައިން އަލްމަރުޙޫމު މޫސާ ޤާސިމްގެ ވާރިސުންގެ މެދުގައި ހަމަޖައްސައި ނިންމާފައިވާ ޝަރުޢީ ކޯޓެއްގެ ނިންމުމެއް އިސްތިއުނާފު ކުރާ ފަރާތުން އެއްވެސް މަރުޙަލާއެއްގައި ހުށަހަޅާފައި ނުވެއެވެ. އަދި އެ ފަރާތުން ފާހަގަ ކުރާ ސުޕްރީމް ކޯޓުގެ ނަންބަރު 2011/SC-A/02 ޤަޟިއްޔާއަކީ، އަލްމަރުޙޫމު މޫސާ ޤާސިމްގެ ވާރުތަ މުދަލާމެދު ގޮތެއް ނިންމާފައިވާ މައްސަލައެއް ނޫނެވެ.
ކަންމިހެން އޮތް އިރު، ކުންފުންޏާބެހޭ ޤާނޫނުގެ 38 ވަނަ މާއްދާގައި ބުނެފައިވާ އިޖުރާއަތު ސިވިލް ކޯޓާއި ހައިކޯޓުގެ މަރުޙަލާގައި އިސްތިއުނާފު ކުރާ ފަރާތުން ފުރިހަމަކޮށްފައިވާ ކަމަށް ބެލެވެންނެތެވެ. އަދި މި ނުކުތާގައި ހައިކޯޓުން ނިންމާފައިވާ ނިންމުމަކީ ޤާނޫނާ ޚިލާފަށް ނިންމާފައިވާ ނިންމުމެއް ކަމުގައި އަހުރެން ނުދެކެމެވެ.
ސުޕްރީމް ކޯޓުގެ ނަންބަރު 2011/SC-A/02 ޤަޟިއްޔާއާ ގުޅިގެން ފާހަގަކުރި ނުކުތާ
އިސްތިއުނާފު ކުރާ ފަރާތުން އިސްތިއުނާފު ކޮށްފައިވާ ހައިކޯޓުގެ ނަންބަރު2014/HC-A/187 ޤަޟިއްޔާގެ ޙުކުމަށް ވާސިލުވުމުގައި އެ ކޯޓުން ޙަވާލާ ދީފައިވާ ސުޕްރީމް ކޯޓުގެ ނަންބަރު 2011/SC-A/02 ޤަޟިއްޔާގައި ކަނޑައަޅާފައިވާ އަޙްކާމުތައް މުރާޖަޢާ ކޮށްދިނުމަށް އެދިފައިވެއެވެ. އަދި މި ފަދައިން މުރާޖަޢާ ކުރުމަށް އެ ފަރާތުން ހުށަހަޅާފައިވާ ސަބަބުތަކަށް ބަލާއިރު، މި މައްސަލަގައި ދަށު މަރުޙަލާގެ ކޯޓުތަކުން ނިންމާފައިވާ ނިންމުންތައް ޤާނޫނީ އުސޫލުތަކާއި ހަމަތަކާ އެއްގޮތް ވެގެން ނުވާކަމަށް އިސްތިއުނާފު ކުރާ ފަރާތުން ދެކެއެވެ. މި ފަދައިން އިސްތިއުނާފު ކުރާ ފަރާތުން ދެކޭ ސަބަބުތައް 8.3.1 އަދި 8.3.2 ވަނަ ޕެރެގްރާފުގައި އެ ވަނީއެވެ.
މި ނުކުތާ އިތުރަށް ތަފުސީލު ކުރަމުން މި ނުކުތާ ފާހަގަ މި ކުރަނީ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 20 ވަނަ މާއްދާގެ (ނ) ގެ ދަށުން ސުޕްރީމް ކޯޓުގެ ކުރީގެ ނިންމުން މުރާޖަޢާ ކުރުމުގެ އިޚްތިޔާރު ސުޕްރީމް ކޯޓަށް ލިބިދީފައިވާތީ ކަމުގައި އިސްތިއުނާފު ކުރާ ފަރާތުން ބުނެފައިވެއެވެ.
މި ނުކުތާ ފާހަގަ ކުރުމަށްފަހު، އިސްތިއުނާފު ކުރާ ފަރާތުން އެދިފައިވަނީ، ސުޕްރީމް ކޯޓުގެ ނަންބަރު 2011/SC-A/02 ޤަޟިއްޔާގައި އިސްތިއުނާފު ކުރެވިފައިވާ ހައިކޯޓުގެ ނިންމުމުގައި އޮތީ، އެ މައްސަލަ އަލުން ދަށު ކޯޓުން ބަލަންޖެހޭނެ ކަމަށް ކަނޑައަޅާފައިކަމަށްވުމުން އެ މައްސަލައިގެ މައުޟޫޢުގައި ހައިކޯޓުން ގޮތެއް ކަނޑައަޅާފައި ނުވާއިރު، ސުޕްރީމް ކޯޓުން އެ މައްސަލައިގެ މައުޟޫޢުގައި ގޮތެއް ކަނޑައަޅާފައިވުމުން، ޢާންމު އުސޫލުން، އިސްތިއުނާފީ މަރުޙަލާތަކުންކުރެ ކޮންމެ މަރުޙަލާއެއްގައި މައްސަލައިގެ މައުޟޫޢުގައި ގޮތެއް ކަނޑައެޅޭނެ ނަމަވެސް، ސުޕްރީމް ކޯޓުގެ ނަންބަރު 2011/SC-A/02 ޤަޟިއްޔާގައި އެ ފަދައިން ތިން މަރުޙަލާގައި މައްސަލައިގެ މައުޟޫޢާމެދު ގޮތެއް ކަނޑައެޅިފައި ނުވާތީ، އެ ޤަޟިއްޔާއިން ބެލުނު ހައިކޯޓުގެ ނަންބަރު 2007/HC-A/227 ޤަޟިއްޔާ އަލުން ބަލައި ފައިސަލާ ކުރަނިވި ޙުކުމެއް ކުރުމަށްޓަކައި ހައިކޯޓަށް އަލުން ތަޙުވީލު ކޮށްދިނުމަށެވެ.
އިސްތިއުނާފީ މި ނުކުތާއަށް ދެ ގޮތަކަށް ބެލުން މުހިންމު ކަމުގައި ދެކެމެވެ. ފުރަތަމަ ގޮތަކީ، މި ނުކުތާ ތަބުރީރު (Justify) ކުރުމަށްޓަކައި ފާހަގަ ކޮށްފައިވާ ޤާނޫނީ ނައްޞާއި، އިސްތިއުނާފު ކުރާ ފަރާތުން މި ނުކުތާއާ ގުޅިގެން އެދޭ ގޮތާ ދެމެދު ހުރި ގުޅުމެވެ. ދެވަނަ ގޮތަކީ، މި ނުކުތާގައި އިސްތިއުނާފީ ބުރަދަން ހުރި މިންވަރެވެ.
ސުޕްރީމް ކޯޓުގެ ނަންބަރު 2011/SC-A/02 ޤަޟިއްޔާގެ އަޙްކާމުތައް މުރާޖަޢާ ކޮށްދިނުމަށް އިސްތިއުނާފުކުރާ ފަރާތުން އެދޭ އެދުން ތަބްރީރު (Justify) ކުރުމަށްޓަކައި އެ ފަރާތުން ޙަވާލާދޭ ޤާނޫނީ ނައްޞު ކަމުގައިވާ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 20 ވަނަ މާއްދާގެ (ނ) ގައި އޮންނަނީ އަންނަނިވި ފަދައިންނެވެ.
" މި މާއްދާގެ (ހ) ގައި އެހެން އޮތްކަމުގައިވީނަމަވެސް، ޤާނޫނީ އުޞޫލަކާބެހޭގޮތުން ނުވަތަ ޤާނޫނީ ނުކުތާއަކާބެހޭގޮތުން ސުޕްރީމް ކޯޓުން ނިންމާފައިވާ ނިންމުން ބަދަލުކުރުމަށް، ނުވަތަ ބާޠިލު ކުރުމަށް، ނުވަތަ އެ ނިންމުމާ ދުރަށް ދިއުމަށް، ނުވަތަ އެ ނިންމުމަށް ފަހުގެ ނިންމުމަކާ ތަފާތުކުރުމަށް ސުޕްރީމް ކޯޓަށް ލިބިދޭ އިޚްތިޔާރަކަށް މި ޤާނޫނު ހުރަހެއްނެތެވެ."
ބުނެވިދިޔަ ޤާނޫނުގެ ނައްޞަށް ބަލާއިރު، އެ މާއްދާގައި ސުޕްރީމް ކޯޓުން ނިންމާ ނިންމުންތަކަކީ ދިވެހިރާއްޖޭގެ އެހެން ހުރިހާ ކޯޓުތަކުން ތަބާވުން ލާޒިމް ނިންމުންތަކެއް ކަމުގައްޔާއި، އެ ނިންމުންތަކަކީ ދައުލަތުގެ ބާރުތަކުންނާއި، އެންމެހައި ރައްޔިތުން އެ މައްޗަށް ތަބާވުން ލާޒިމް ނިންމުންތަކެއް ކަމުގައި ބަޔާންކުރުމަށްފަހު އެ މާއްދާގެ (ނ) ގައި މި ބުނެވިދިޔަ ކަންކަމުގެ އިސްތިސްނާއެއް ބަޔާންކޮށްފައިވެއެވެ. މި އިސްތިސްނާ ހާލަތަށް ބަލާއިރު، ސުޕްރީމް ކޯޓުން ނިންމާފައިވާ ނިންމުމެއް ބާޠިލު ކުރުމަށް ނުވަތަ ބަދަލު ކުރުމަށް، ނުވަތަ އެ ނިންމުމަކާ ދުރަށް ދިއުމަށް ނުވަތަ އެ ނިންމުން ފަހުގެ ނިންމުމަކާ ތަފާތު ކުރުމުގެ އިޚްތިޔާރު ސުޕްރީމް ކޯޓަށް ދީފައިވެއެވެ. ނަމަވެސް މި އިޚްތިޔާރު ޤާނޫނުން ސުޕްރީމް ކޯޓަށް ދީފައިވަނީ ދެ ކަމަކާ ގުޅުވައިގެންނެވެ. އެއީ ނިންމުމެއްގައި ހިމެނޭ ޤާނޫނީ އުސޫލެއް ނުވަތަ ޤާނޫނީ ނުކުތާއަކާ ގުޅިގެންނެވެ.
ވުމާއެކު ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 20 ވަނަ މާއްދާގެ (ނ) ގެ ދަށުން ސުޕްރީމް ކޯޓުން ނިންމާފައިވާ ނިންމުމެއް ބާޠިލު ކުރުމަށް ނުވަތަ ބަދަލު ކުރުމަށް، ނުވަތަ އެ ނިންމުމަކާ ދުރަށް ދިއުމަށް ނުވަތަ އެ ނިންމުން ފަހުގެ ނިންމުމަކާ ތަފާތު ކުރުމުގެ އިޚްތިޔާރު ސުޕްރީމް ކޯޓަށް ލިބިފައިވަނީ އެ ފަދަ ނިންމުމެއްގައި ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާ ޤާނޫނީ އުސޫލެއް (Legal Rule) ނުވަތަ ޤާނޫނީ ނުކުތާއަކާ (Point of Law) ގުޅިގެން އެކަނިކަމާއި، އެއީ ސުޕްރީމް ކޯޓުން ޤާނޫނު ތަޠުބީޤު ކުރުމަށްފަހު، ގޮތެއް ކަނޑައަޅާފައިވާ ވާޤިޢާއެއް ބާޠިލުކުރުން، ނުވަތަ ގޮތެއް ކަނޑައަޅާފައިވާ ވާޤިޢާއެއް އެނޫން ގޮތަކަށް ބަދަލުކުރުން ނުވަތަ ނިންމާފައިވާ ނިންމުމެއް އަލުން މުރާޖަޢާ ކުރުން ނޫންކަން ސާފުކޮށް އެނގެއެވެ.
އިސްތިއުނާފީ ނުކުތާއެއްގެ ގޮތުގައި މި ނުކުތާއަކީ ކިހައި ބުރަދަނެއް ހުރި ނުކުތާއެއްތޯ ބަލާއިރު، ދިވެހިރާއްޖޭގެ ހައިކޯޓުގެ ޙުކުމެއް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރެވޭނެ ޙާލަތު ޤާނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 16 ވަނަ މާއްދާގައި ބަޔާންވެފައިވެއެވެ. މި ގޮތުން އެ މާއްދާގެ ދަށުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޙުކުމެއް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރެވޭނީ؛
އެ ޙުކުމް ނުވަތަ ނިންމުން ބިނާވެފައިވަނީ ޤާނޫނާ ޚިލާފަށް ކަމަށްވުމުން، ނުވަތަ؛
ޤާނޫނު ތަޠުބީޤު ކުރުމުގައި ނުވަތަ ޤާނޫނު މާނަ ކުރުމުގައި ކުށެއް ހެދިފައިވާ ކަމަށް ޤަބޫލު ކުރެވުމުން؛ ނުވަތަ
ދިވެހިރާއްޖޭގެ ހައިކޯޓުގެ ޙުކުމުގެ ނުވަތަ ނިންމުމުގެ ކުރިއަށް އައި އިޖުރާއަތަކީ ބާޠިލު އިޖުރާއަތަކަށް ވުމުންނެވެ.
ބުނެވިދިޔަ ޤާނޫނުގެ މާއްދާގެ އަލީގައި، މި މައްސަލައިގައި އިސްތިއުނާފު ކުރާ ފަރާތުން ދައްކާފައިވާ ވާހަކަތަކަށް ބަލާއިރު، އިސްތިއުނާފު ކުރެވިފައިވާ ހައިކޯޓުގެ ނަންބަރު 2014/HC-A/187 ޤަޟިއްޔާގައި ސުޕްރީމް ކޯޓުގެ ނަންބަރު 2011/SC-A/02 ޤަޟިއްޔާއަށް ހަވާލާ ދީފައިވާ ޙަވާލާ ދިނުމުގެ ސަބަބުން ދިވެހިރާއްޖޭގެ ހައިކޯޓުން ކޮށްފައިވާ ޙުކުމް ޤާނޫނީ ނުވަތަ ޝަރުޢީ އުސޫލަކާ ޚިލާފުވާ ގޮތެއް އިސްތިއުނާފު ކުރާ ފަރާތަށް ބުނެދެވިފައި ނުވެއެވެ.
އަދި ބަހުސްގެ ބޭނުމަށްޓަކައި ސުޕްރީމް ކޯޓުގެ ނަންބަރު 2011/SC-A/02 ޤަޟިއްޔާގައި ބަލައި ގޮތެއް ކަނޑައެޅުމުގައި އިސްތިއުނާފު ކުރާ ފަރާތުން ޤަބޫލުކުރާ ޤާނޫނީ އައިބުތަކެއް އެ ޤަޟިއްޔާގެ ނިންމުމުގައި ހުރިނަމަވެސް، ޤާނޫނުގައި އިސްތިއުނާފީ ކޯޓުތަކާއި، އެ ކޯޓުތަކުގެ ބާރުވެރިކަން ތަރުތީބުވެފައިވާ ގޮތުން އެ ކަމަކީ، ދިވެހިރާއްޖޭގެ ހައިކޯޓުން އެކަމަށް ޤާނޫނީ ގޮތުން ފަރުވާ ކުރެވޭނެ ކަމެއް ނޫނެވެ. ވުމާއެކު މިއީ، އިސްތިއުނާފީ ނުކުތާއެއްގެ ގޮތުގައި ބަލައި ގޮތެއް ކަނޑައަޅަންޖެހޭ ނުކުތާއެއްކަމުގައި އަހުރެން ނުދެކެމެވެ.
ނިންމުން
ވުމާއެކު، އިސްވެ ބަޔާންވެދިޔަ ސަބަބުތައް އެ ގޮތުގެ މަތިން ހުރުމާއެކު ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2014/HC-A/187 ޤަޟިއްޔާ ނިންމާފައިވާ ނިންމުމަށް ބަދަލު ގެންނަންޖެހޭ ފަދަ ޤާނޫނީ ސަބަބެއް އޮތްކަމަށް އަހުރެންނަށް ނުފެނެއެވެ.
ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންގެ ރައުޔުމި މައްސަލައިގައި ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްގެ ރައުޔުމި މައްސަލައިގައި ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ޙުކުމް
ދެންފަހެ، މަތީގައި ބަޔާންކުރެވުނު ސަބަބުތައް އެހެން ހުރުމުން ޢަބްދުﷲ ރަޝީދު މޫސާގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ފާހަގަ ކޮށްފައިވާ ނުކުތާތަކުގެ މައްޗަށް ބިނާކޮށް، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2014/HC-A/187 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމަށް ބަދަލު ގެންނަންޖެހޭ ތަނެއް ނެތްކަމަށް ކަނޑައަޅައި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމް ކޮށްފީމެވެ.
މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ:
ޢަލީ ރަޝީދު ޙުސައިންމަޙާޒު ޢަލީ ޒާހިރުމުޙައްމަދު އިބްރާހީމް(ރިޔާސަތު)
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.