ދިވެހިރާއްޖޭގެ މަތީ މަރުޙަލާގެ ކޯޓުތަކުން ކަނޑައަޅާފައިވާ ޤާނޫނީ އުޞޫލުތައް

Maldives Legal Precedents

Saeed Lex
[2021] SC 40 · 2019/SC-A/48ސުޕްރީމް ކޯޓު · 4 އޭޕްރީލް 2021

ޙާމިދު އިސްމާޢީލް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް

ސުޕްރީމް ކޯޓު
ފަހުގެ ޙުކުމެއްގައި ޙަވާލާދީފައެއް ނުފެނޭޙުކުމުގެ ހާލަތު
ސުޕްރީމް ކޯޓު · 4 އޭޕްރީލް 2021ބާވަތް: ޖިނާއީ

ޚުލާޞާ

ޚުލާޞާ ނެތް.

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
—
ފަހުގެ ތާރީޚު
—

ނިންމުން

—

ކޯ ޓާމްސް

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

މި ލިޔުމުން އުޞޫލެއް ނުނެގުނު.

ފަނޑިޔާރުން

ބެންޗު
—
ޚިލާފު ރައުޔު
ނެތް

ޝަރީޢަތުގެ ވީޑިއޯ

ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު

2019/SC-A/48

ޝަރީޢަތް ނިމުނުގޮތް

ޙާމިދު އިސްމާޢީލް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް

ފަނޑިޔާރުންގެ މަޖިލިސް

ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްނިމުނު ތާރީޚު

04 އެޕްރީލް 2021އިސްތިއުނާފު ކުރެވުނު ޤަޟިއްޔާ

2016/HC-A/457

އިސްތިއުނާފު ރައްދުވާ ފަރާތް

އިސްތިއުނާފުކުރާ ފަރާތް

ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސްޙާމިދު އިސްމާޢީލް، މ. ޝުރާމަންޒިލް، މާލެ

ޤާނޫނީ ވަކީލު:

ޤާނޫނީ ވަކީލު:

ޢާއިޝަތު މުޙައްމަދު

މަރްޔަމް ޝަހުމާ

މުޙައްމަދު ޢާލިމް ޢަބްދުﷲ

އާމިނަތު ޝާމާ ނަޞީރު މަރްޔަމް ޙަނީފާ ޚާލިދު، އަނބުގަސްދޮށުގެ، ހއ. ކެލާ

ޖިނާއީ – ޚިޔާނަތްތެރިވުމުގައި އެހީތެރިވުމާއި ބައިވެރިވުމުގެ ކުށް – އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ކުށް ސާބިތުވުން – ފަހުން ޢަމަލު ކުރަން ފަށާ ޤާނޫނުން ލިބޭ ލުއި ލިބިދިނުން

ޙާމިދު އިސްމާޢީލް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް

ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންގެ ރައުޔު (ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރު އަދި ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމް ތާއީދު ކުރައްވާފައި)

ތަޢާރުފު

މި މައްސަލައަކީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HC-A/457 ޤަޟިއްޔާ ނިންމާފައި ވަނީ ޤާނޫނާ އެއްގޮތަށް ނޫން ކަމަށް ބުނެ މާލެ، މ. ޝުރާމަންޒިލް، ޙާމިދު އިސްމާޢީލް (މީގެ ފަހުން "އިސްތިއުނާފު ކުރާ ފަރާތް" ނުވަތަ "ޙާމިދު އިސްމާޢީލް" ކަމަށް ބުނެފައިވާ ފަރާތް) ގެ ފަރާތުން ސުޕްރީމް ކޯޓަށް އިސްތިއުނާފަށް ހުށަހެޅި މައްސަލައެކެވެ. މި މައްސަލައިގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް (މީގެ ފަހުން "އިސްތިއުނާފު ރައްދުވާ ފަރާތް" ނުވަތަ "ދައުލަތް" ކަމަށް ބުނެފައިވާ ފަރާތް) އެވެ.

މައްސަލައިގައި ކަންހިނގާފައިވާ ގޮތް

ކުރެއްދޫ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑްއިން ރިޒޯޓެއް ތަރައްޤީ ކުރުމުގެ ގޮތުން ޅ. މާބިންހުރާ ކުއްޔަށް ހިފުމަށް 04 ޖޫން 2014 ގައި މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (މީގެ ފަހުން "އެމް.އެމް.ޕީ.އާރު.ސީ" ކަމަށް ބުނެފައިވާ) އަށް އެކުއިޒިޝަން ކޮސްޓުގެ ގޮތުގައި ދައްކާފައިވާ US$5,000,000.00 (ފަސްމިލިޔަން އެމެރިކާ ޑޮލަރު) ގެ ޗެކްއާ އެމް.އެމް.ޕީ.އާރު.ސީގެ އެއިރުގެ މެނޭޖިންގ ޑިރެކްޓަރ ޢަބްދުﷲ ޒިޔަތު ޙަވާލުވެފައި ވީނަމަވެސް، އެ ފައިސާ އެމް.އެމް.ޕީ.އާރު.ސީއަށް ލިބިފައިނުވާތީ އާއި، އަޙްމަދު އަދީބު ޢަބްދުލްޣަފޫރާއި ޙާމިދު އިސްމާޢީލް ބައިވެރިވެގެން، ޙާމިދު އިސްމާޢީލް ޙިއްޞާވާ މިލޭނިއަމް ކެޕިޓަލް މެނޭޖްމަންޓު ޕްރައިވެޓް ލިމިޓެޑް ގެ (މީގެ ފަހުން "އެމް.ސީ.އެމް" ކަމަށް ބުނެފައިވާ ކުންފުނީގެ) ބޭންކް އެކައުންޓަށް 09 ޖޫން 2014 ގައި އެ ޗެކް ޖަމާކޮށް، އެ ފައިސާއިން ޙާމިދު އިސްމާޢީލް މުޢާމަލާތު ކޮށްފައިވާ ކަމަށް ބުނެ، ދައުލަތުން ޙާމިދު އިސްމާޢީލްގެ މައްޗަށް ދިހަހާސް ރުފިޔާއިން މަތީ އަދަދެއްގެ ފައިސާއަށް ޚިޔާނަތްތެރިވުމުގައި ބައިވެރިވުމުގެ ކުށުގެ ދަޢުވާ އުފުލާފައިވެއެވެ.

ކްރިމިނަލް ކޯޓުން ނިންމިގޮތް

ދައުލަތުން ޙާމިދު އިސްމާޢީލްގެ މައްޗަށް ދަޢުވާ ކުރި މައްސަލަ ބަލާފައިވަނީ ކްރިމިނަލް ކޯޓުގެ ނަންބަރު 84/Cr-C/2016 ޤަޟިއްޔާއިންނެވެ. ޙާމިދު އިސްމާޢީލްގެ އިތުރުން ޢަބްދުﷲ ޒިޔަތު އާއި އަޙްމަދު އަދީބު ޢަބްދުލްޣަފޫރުގެ މައްޗަށް ވެސް ދައުލަތުން އެ މައްސަލައިގައި ދަޢުވާ ކޮށްފައި ވެއެވެ.

މި މައްސަލައިގައި ހިމެނޭ ޚިޔާނާތުގައި ޙާމިދު އިސްމާޢީލް މެދު މިންވަރަކަށް ބައިވެރިވެފައިވާ ކަން ޝަރީޢަތަށް ސާބިތުވާތީ އާއި ޚިޔާނާތްތެރިވުމުގެ ކުށަކީ ކުރިން ޢަމަލުކުރަމުން ދިޔަ ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ ޗެޕްޓަރު 4 ގެ 149 ވަނަ މާއްދާގެ (ނ) އާއި 131 ވަނަ މާއްދާގެ (ހ) ގެ ދަށުންނާއި، މިހާރު ޢަމަލު ކުރަމުންދާ ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 215 ވަނަ މާއްދާގެ ދަށުން ކުށެއް ކަމަށް ވާތީ އާއި، ދައުލަތުން ހުށަހެޅި ހެކިތަކުން ދިހަހާސް ރުފިޔާއިން މަތީ އަދަދެއްގެ ފައިސާއަށް ޚިޔާނަތްތެރިވުމުގައި ބައިވެރިވުމުގެ ކުށް ޙާމިދު އިސްމާޢީލްގެ މައްޗަށް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން ކަނޑައަޅާފައިވެއެވެ.

ޙާމިދު އިސްމާޢީލްގެ މައްޗަށް ދިހަހާސް ރުފިޔާއިން މަތީ އަދަދެއްގެ ފައިސާއަށް ޚިޔާނަތްތެރިވުމުގައި ބައިވެރިވުމުގެ ކުށް ސާބިތުވެފައިވާތީ، އަދަބެއްގެ ގޮތުގައި މިހާރު ޢަމަލުކުރަމުންދާ ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 1002 ވަނަ މާއްދާގެ (ހ) ގެ ދަށުން 2 (ދޭއް) އަހަރާއި 9 (ނުވައެއް) މަހާއި 18 (އަށާރަ) ދުވަހުގެ މުއްދަތަކަށް ޙާމިދު އިސްމާޢީލް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ޙުކުމް ކޮށްފައިވެއެވެ.

ޙާމިދު އިސްމާޢީލްގެ މައްޗަށް ކްރިމިނަލް ކޯޓުން ޙުކުމް ކޮށްފައިވަނީ ޤާނޫނާ އެއްގޮތަށް ނޫން ކަމަށް ބުނެ، ކްރިމިނަލް ކޯޓުން ކުރި ޙުކުމް، ދިވެހިރާއްޖޭގެ ހައިކޯޓުގައި ޙާމިދު އިސްމާޢީލްގެ ފަރާތުން އިސްތިއުނާފު ކޮށްފައިވެއެވެ.

ހައިކޯޓުން ނިންމިގޮތް

ޙާމިދު އިޞްމާޢީލް ހުށަހެޅި މައްސަލަ ބަލާފައިވަނީ ހައިކޯޓުގެ ނަންބަރު 2016/HC-A/457 ޤަޟިއްޔާއިންނެވެ. ޙާމިދު އިޞްމާޢީލްގެ ފަރާތުން ހައިކޯޓުގައި ތިން ނުކުތާއެއް އިސްތިއުނާފު ކޮށްފައިވެއެވެ. އެއީ؛

ޙާމިދު އިސްމާޢީލްގެ މައްޗަށް މި މައްސަލައިގައި ދަޢުވާކޮށްފައި ވަނީ ކުރިން ޢަމަލުކުރަމުން ދިޔަ ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 12 ވަނަ މާއްދާ އާއި 13 ވަނަ މާއްދާއާ ޙަވާލާދީ އެ ޤާނޫނުގެ 131 ވަނަ މާއްދާގެ (ހ) އާއި 132 ވަނަ މާއްދާގެ ދަށުން ޚިޔާނާތްތެރިވުމުގައި ބައިވެރިވުމުގެ ކުށުގެ މައްޗަށް ކަމަށް ވާއިރު، ޙާމިދު އިސްމާޢީލްގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކަނޑައަޅާފައިވަނީ ކުރިން ޢަމަލުކުރަމުން ދިޔަ ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 12 ވަނަ މާއްދާ އާއި 13 ވަނަ މާއްދާ އާއި 149 ވަނަ މާއްދާގެ (ނ) އާ ޚިލާފަށް ކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.

ކުރެއްދޫ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑްއިން އެމް.އެމް.ޕީ.އާރު.ސީއަށް 04 ޖޫން 2014 ގައި ދޫކޮށްފައިވާ US$5,000,000.00 (ފަސްމިލިޔަން އެމެރިކާ ޑޮލަރު) ގެ ޗެކަށް، އެ ޗެކާ ޙަވާލުވި ޢަބްދުﷲ ޒިޔަތު ޚިޔާނާތްތެރިވުމުގައި ޙާމިދު އިސްމާޢީލް ބައިވެރިވިކަމުގެ އެއްވެސް ހެއްކެއް ނެތް ނަމަވެސް، ކްރިމިނަލް ކޯޓުން ޙުކުމް ކޮށްފައިވަނީ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައިވާ ޙާލަތަށް ދަޢުވާ ސާބިތުވާން ނެތް ޙާލަތުގައި ކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.

އިސްތިއުނާފު ކުރެވޭ ޤާޟިއްޔާގައި ޙާމިދު އިސްމާޢީލްގެ މައްޗަށް ކަނޑައަޅާފައިވާ އަދަބަކީ މިހާރު ޢަމަލު ކުރަމުންދާ ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 30 ވަނަ މާއްދާގެ (ރ) ގެ 3 ވަނަ ނަންބަރުގައި ކަނޑައަޅާފައިވާ މިންވަރަށް ވުރެ ބޮޑު އަދަބެއް ކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.

ޙާމިދު އިސްމާޢީލްގެ މައްޗަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ ޙުކުމަށް ބަދަލު ގެންނަންޖެހޭ ޤާނޫނީ އަދި ޝަރުޢީ އެއްވެސް ސަބަބެއް ނެތް ކަމަށް ބުނެ، ކްރިމިނަލް ކޯޓުން ޙާމިދު އިސްމާޢީލްގެ މައްޗަށް ކޮށްފައިވާ ޙުކުމަށް ހައިކޯޓުން ތާއީދު ކޮށްފައިވެއެވެ.

ހައިކޯޓުގެ ނަންބަރު 2016/HC-A/457 ޤަޟިއްޔާ ނިންމާފައިވަނީ ޤާނޫނާ އެއްގޮތަށް ނޫން ކަމަށް ބުނެ ޙާމިދު އިސްމާޢީލްގެ ފަރާތުން އެ ނިންމުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައި ވެއެވެ.

ދައުލަތުން ސުޕްރީމް ކޯޓަށް އައު ހެއްކެއް ހުށަހެޅުން

ޙާމިދު އިސްމާޢީލްގެ ފަރާތުން ހުށަހެޅި އިސްތިއުނާފަށް އިސްތިއުނާފު ރައްދުވާ ފަރާތުން ލިޔުމުން ޖަވާބުދާރީވި ފަހުން، އައު ހެއްކެއް ކަމަށް ބުނެ، ހެކިބަސް ނަގައި ދިނުމަށް އެދި، އަޙްމަދު އަދީބު ޢަބްދުލްޣަފޫރުގެ ތަޙްޤީޤު ބަޔާނެއް އިސްތިއުނާފު ރައްދުވާ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވެއެވެ.

ދަށު ކޯޓަށް އަދި ހައިކޯޓަށް ހުށަހެޅިފައިނުވާ ހެއްކެއް ނުވަތަ ކަމެއް، ސުޕްރީމް ކޯޓަށް ހުށަހެޅޭ އިސްތިސްނާ އުޞޫލެއް، އާމިނަތު ނާޒްލީ ވ. ސީގޭޓް ދަ އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔާގައި ސުޕްރީމް ކޯޓުން ކަނޑައަޅާފައިވެއެވެ. އެ އުޞޫލުގައި ބުނާގޮތުން އެ ހެއްކެއްގައި ތިން ޢުންޞުރެއް ފުރިހަމަ ވާންޖެހެއެވެ.

ފުރަތަމަ ޢުންޞުރަކީ: އެފަދަ ހެއްކަކީ ނުވަތަ ހުށަހެޅުމަކީ އެ މައްސަލައެއް ދަށު މަރުޙަލާގައި ހިނގަމުން ދިޔައިރު، އެކަށީގެންވާ ގޮތެއްގައި މަސައްކަތްކޮށްގެން ވެސް ލިބިފައިނުވާ ހެއްކަކަށް ނުވަތަ ހުށަހެޅުމަކަށްވުން. (Non-availability)

ދެވަނަ ޢުންޞުރަކީ: އެފަދަ ހެއްކަކީ ނުވަތަ ހުށަހެޅުމަކީ އޭގެ ސަބަބުން މައްސަލައިގެ ޙުކުމަށް ބަދަލު ނައިނަމަވެސް އޭގެ ސަބަބުން އެ މައްސަލައިގެ މައުޟޫޢަށް އެކަށީގެންވާ ފަދަ ނުފޫޒެއް ފޯރުވާފަދަ ހެއްކަކަށް ނުވަތަ ހުށަހެޅުމަކަށްވުން. (Relevance)

ތިންވަނަ ޢުންޞުރަކީ: އެފަދަ ހެއްކަކީ ނުވަތަ ހުށަހެޅުމަކީ އޭގެ ޞައްޙަކަމާމެދުގައި ސުވާލު އުފެދިފައިނުވާ ހެއްކަކަށް ނުވަތަ ހުށަހެޅުމަކަށްވުން. (Credibility)

ހައިކޯޓުން މި މައްސަލަ ނިމުނު ފަހުން އަޙްމަދު އަދީބު ޢަބްދުލްޣަފޫރު ތަޙްޤީޤަށް ދީފައިވާ އެ ބަޔާނަކީ މި މައްސަލައިގެ މައުޟޫޢާ ގުޅުން ހުރި ހެއްކަކަށް ވީނަމަވެސް، އަޙްމަދު އަދީބު ޢަބްދުލްޣަފޫރުއަކީ މި މައްސަލައިގައި ތުހުމަތު ކުރެވުނު މީހަކަށް ވެފައި، މީގެ ކުރިން ތަޙްޤީޤަށް ބަޔާން ދީފައިވުމާއި، ޝަރީޢަތަށް ވެސް ބަޔާން ދީފައިވާއިރު، މިހާރު އަލަށް ބުނި ވާހަކަތަކަކީ ކުރިން ވެސް ބުނެވެން އޮތް ވާހަކަތަކަކަށް ވުމުން، އެ ވާހަކަތަކަކީ އަލަށް ހޯދުނު ހެއްކެއްގެ ގޮތުގައި ނުބެލެވޭނެއެވެ. މިގޮތުން، މި ހެކި ބަލައި ނުގަތުމަށް ވަނީ ނިންމާފައެވެ.

ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައިވާ ނުކުތާތައް

އިސްތިއުނާފު ކުރާ ފަރާތުން ސުޕްރީމް ކޯޓުގައި ހަތް ނުކުތާއެއް އިސްތިއުނާފު ކޮށްފައިވެއެވެ.

ފުރަތަމަ ނުކުތާއަކީ: ޙާމިދު އިސްމާޢީލްގެ މައްޗަށް ދަޢުވާކޮށްފައި ވަނީ ކުރިން ޢަމަލުކުރަމުން ދިޔަ ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 12 ވަނަ މާއްދާ އާއި 13 ވަނަ މާއްދާއާ ޙަވާލާދީ އެ ޤާނޫނުގެ 131 ވަނަ މާއްދާގެ (ހ) އާއި 132 ވަނަ މާއްދާގެ ދަށުން ޚިޔާނާތްތެރިވުމުގައި ބައިވެރިވުމުގެ ކުށުގެ މައްޗަށް ކަމަށް ވާއިރު، ޙާމިދު އިސްމާޢީލްގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކަނޑައަޅާފައިވަނީ ކުރިން ޢަމަލުކުރަމުން ދިޔަ ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 12 ވަނަ މާއްދާ އާއި 13 ވަނަ މާއްދާ އާއި 149 ވަނަ މާއްދާގެ (ނ) އާ ޚިލާފަށް ކަމުގައި ވީނަމަވެސް، އެ ކަންކަމަށް ނުބަލައި ހައިކޯޓުން ޙުކުމް ކޮށްފައިވާ ކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.

ދެވަނަ ނުކުތާއަކީ: ކުރެއްދޫ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑްއިން އެމް.އެމް.ޕީ.އާރު.ސީއަށް 04 ޖޫން 2014 ގައި ދޫކޮށްފައިވާ US$5,000,000.00 (ފަސްމިލިޔަން އެމެރިކާ ޑޮލަރު) ގެ ޗެކަށް، އެ ޗެކާ ޙަވާލުވި ޢަބްދުﷲ ޒިޔަތު ޚިޔާނާތްތެރިވުމުގައި ޙާމިދު އިސްމާޢީލް ބައިވެރިވިކަމުގެ އެއްވެސް ހެއްކެތި ނެތް ނަމަވެސް، ކްރިމިނަލް ކޯޓުން ޙުކުމް ކޮށްފައިވަނީ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައިވާ ޙާލަތަށް ދަޢުވާ ސާބިތުވާން ނެތް ޙާލަތުގައި ކަމަށް ވީނަމަވެސް، ހައިކޯޓުން އެކަން ބެލުމަކާ ނުލައި ޙުކުމް ކޮށްފައިވާ ކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.

ތިންވަނަ ނުކުތާއަކީ: މިހާރު ޢަމަލު ކުރަމުންދާ ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 30 ވަނަ މާއްދާގެ (ރ) ގެ 3 ވަނަ ނަންބަރުގައި ކަނޑައަޅާފައިވާ މިންވަރަށް ވުރެ ބޮޑު އަދަބެއް ސާބިތުވާނެ އެއްވެސް ހެއްކެއް ޤަރީނާއެއް ނެތް ނަމަވެސް، އެކަމަށް ރިޢާޔަތްނުކޮށް، ޙާމިދު އިސްމާޢީލްގެ މައްޗަށް ކްރިމިނަލް ކޯޓުން ކަނޑައަޅާފައިވާ އަދަބަށް ހައިކޯޓުން ތާޢީދުކޮށްފައިވާ ކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.

ހަތަރުވަނަ ނުކުތާއަކީ: ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނުގެ 74 ވަނަ މާއްދާ އާއި މިހާރު ޢަމަލު ކުރަމުންދާ ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 71 ވަނަ މާއްދާއިން މަޢުނަވީ ޝަޙްސަކަށް ނިސްބަތްކުރެވޭ ޢަމަލަކާ ގުޅުވައިގެން، ފަރުދީ ޒިންމާކުރުމަށް ކަނޑައަޅާފައިވާ އުޞޫލުތަކާ ޚިލާފަށް ހައިކޯޓުން ޙުކުމް ކޮށްފައިވާ ކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.

ފަސްވަނަ ނުކުތާއަކީ: މިހާރު ޢަމަލު ކުރަމުންދާ ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 57 ވަނަ މާއްދާގެ (ނ) ގައި ބަޔާން ކޮށްފައިވާ ދިފާޢުގެ ފުރިހަމަ ފައިދާ ޙާމިދު އިސްމާޢީލްއަށް ލިބިނުދީ، އެ މާއްދާއާ ޚިލާފަށް ހައިކޯޓުން ޙުކުމް ކޮށްފައިވާ ކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.

ހަވަނަ ނުކުތާއަކީ: އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ކުށެއް ސާބިތު ކުރުމުގައި ބަލަންޖެހޭ މިންގަނޑުތަކާ ޚިލާފަށް، މިހާރު ޢަމަލު ކުރަމުންދާ ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 15 ވަނަ މާއްދާ އާއި ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) އާ ޚިލާފަށް ހައިކޯޓުން ޙުކުމް ކޮށްފައިވާ ކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.

ހަތްވަނަ ނުކުތާއަކީ: އަޙްމަދު ނާޠިމް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ޤަޟިއްޔާގައި ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާ އުޞޫލާ ޚިލާފަށް ހައިކޯޓުން ޙުކުމް ކޮށްފައިވާ ކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.

އިސްތިއުނާފީ ނުކުތާތަކުގެ ތެރެއިން 1، 2، އަދި 3 ވަނަ ނުކުތާއަކީ ހައިކޯޓަށް ވެސް ހުށަހެޅި ތިން ނުކުތާއެވެ. އެ ނުކުތާތައް ހުށަހަޅާފައިވަނީ އެ ނުކުތާތަކަށް ހައިކޯޓުން ގޮތެއް ނިންމާފައި ވަނީ ޤާނޫނާ އެއްގޮތަށް ނޫން ކަމަށް ބުނެއެވެ. މި ނުކުތާތަކަށް ސުޕްރީމް ކޯޓުން ގޮތެއް ނިންމިދާނެއެވެ. ނަމަވެސް، އިސްތިއުނާފީ ނުކުތާތަކުގެ ތެރެއިން 4، 5، 6 އަދި 7 ވަނަ ނުކުތާއަކީ ހައިކޯޓަށް ހުށަހެޅުމުގެ ފުރުސަތު އޮވެ، ހުށަހަޅާފައިނުވާ ނުކުތާތަކެކެވެ.

ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 16 ވަނަ މާއްދާގައި ބަޔާންވެގެންވާ ގޮތުން ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރެވޭނީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ޙުކުމެއް ޤާނޫނާ ޚިލާފު ވާނަމަ، ނުވަތަ ހައިކޯޓުން ޤާނޫނު ތަޠުބީޤުކުރުމުގައި ނުވަތަ ޤާނޫނު މާނަ ކުރުމުގައި ކުށެއް ހެދިފައިވާ ކަމަށް ނުވަތަ ދިވެހިރާއްޖޭގެ ހައިކޯޓުގެ ޙުކުމުގެ ކުރިން އައި އިޖުރާއަތުގައި އައިބެއް ހުރި ނަމަ މިފަދަ ކަންކަމުގެ މައްޗަށް އެކަނި ކަމާއި، ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، ބުނެވިދިޔަ ޙާލަތްތައް ފިޔަވައި، އިތުރު ޙާލަތެއްގައި ހައިކޯޓުގެ ނިންމުމެއް ސުޕްރީމް ކޯޓަށް އިސްތިއުނާފު ނުކުރެވޭނެކަމެވެ. މިގޮތުން އިސްތިއުނާފީ ނުކުތާތަކުގެ ތެރެއިން 4، 5، 6 އަދި 7 ވަނަ ނުކުތާއަކީ ސުޕްރީމް ކޯޓުން ގޮތެއް ނިންމޭނެ ނުކުތާތަކެއް ނޫން ކަން ފާހަގަކުރެވެއެވެ.

ޚިޔާނާތްތެރިވުމުގައި ބައިވެރިވުމުގެ ކުށް

ޙާމިދު އިސްމާޢީލުގެ މައްޗަށް ދައުލަތުން ދަޢުވާކޮށްފައިވަނީ، ހާދިސާ ހިނގިއިރު ޢަމަލު ކުރަމުން ދިޔަ ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 12 ވަނަ މާއްދާ އާއި 13 ވަނަ މާއްދާއާ ޙަވާލާދީ އެ ޤާނޫނުގެ 131 ވަނަ މާއްދާގެ (ހ) އާއި 132 ވަނަ މާއްދާގެ ދަށުން ޚިޔާނާތްތެރިވުމުގައި ބައިވެރިވުމުގެ ކުށުގެ ދަޢުވާއެވެ.

ޚިޔާނާތްތެރިވުމަކީ ކުށެއް ކަމާއި އެ ކަންކުރި މީހަކަށް ދޭނެ އަދަބަކީ ކޮބައިކަން ކަނޑައެޅިފައިވަނީ ހާދިސާ ހިނގިއިރު ޢަމަލު ކުރަމުން ދިޔަ ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 131 ވަނަ މާއްދާގެ (ހ) ގައެވެ. 132 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ ޚިޔާނާތްތެރިވި ފައިސާގެ ޢަދަދު ދިހަހާސް ރުފިޔާއަށްވުރެ ބޮޑު ނަމަ އަދަބު ބޮޑުވާނެ މިންވަރެވެ. ޚީޔާނާތްތެރިވުން މާނަ ކޮށްފައިވަނީ އެ ޤާނޫނުގެ 149 ވަނަ މާއްދާގެ (ނ) ގައެވެ. އެ މާއްދާގައި ބަޔާންވެގެންވަނީ؛

"ތިމާގެ ބެލުމުގެ ދަށުގައި ނުވަތަ ތިމާގެ ޙަވާލުގައިވާ އެހެން ފަރާތެއްގެ އެއްޗެއް ނުބައި ނިޔަތެއްގައި އޭގެ ވެރިފަރާތުގެ އިޒުނައާ ނުލައި ބޭނުން ކުރުން ނުވަތަ އެ އެއްޗަކަށް ބަދަލު ގެނައުން ނުވަތަ އެ ފަރާތުން ކަނޑައަޅާފައިވާ ގޮތާ ޚިލާފަށް ގެންގުޅުން"

އެއީ ޚިޔާނާތްތެރިވުން ކަމުގައެވެ. މި ތަނުގައި "ތިމާ" ކަމަށް އެ ބުނަނީ ޚިޔާނާތުގެ ޢަމަލު ހިންގި މީހާއަށެވެ.

މި މައްސަލައިގައި ޚިޔާނާތްތެރިވުމުގެ ކުށުގެ ދަޢުވާ ދައުލަތުން އުފުލާފައިވަނީ ޢަބްދުﷲ ޒިޔަތުގެ މައްޗަށެވެ. ޙާމިދު އިސްމާޢީލުގެ މައްޗަށް ދައުލަތުން ތުހުމަތު ކޮށްފައިވަނީ ޢަބްދުﷲ ޒިޔަތު ކުރި ޚިޔާނާތުގެ ކުށުގެ ޢަމަލުގައި އެހީތެރިވެގެން ބައިވެރިވި ކަމަށެވެ. ކުށެއް ކުރުމުގައި އެހީތެރިވެގެން ބައިވެރިވުމަކީ ކޮބައިކަން ބަޔާންކޮށްފައިވަނީ ހާދިސާ ހިނގިއިރު ޢަމަލު ކުރަމުން ދިޔަ ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 12 ވަނަ މާއްދާ އާއި 13 ވަނަ މާއްދާގައެވެ. 12 ވަނަ މާއްދާގައި ބަޔާންވެގެންވަނީ؛

"ކުށެއްގައި "ބައިވެރިވުން" އެއީ؛

(ހ) އެއްވެސް މާނައެއްގައި ކުށެއް ކުރުމަށް ނަސޭޙަތްތެރިވުން، ފާޑު ކިޔައިދިނުން ނުވަތަ މިއިން ކަމަކަށް ސީދާ ނުވަތަ ނުސީދާ ގޮތަކަށް އިޝާރާތް ކުރުމާއި،

(ށ) އެ ކުށަކާމެދު، މީހަކާ ސައްލާކޮށް ކުށެއްގައި ބައިވެރިވުމަށްޓަކައި އެއްވެސް ޢަމަލެއް ކުރުމާއި،

(ނ) އެ ކުށެއް ކުރުމަށްޓަކައި، އެއްވެސް މާނައެއްގައި އެހީވެދިނުމެވެ."

ޙާމިދު އިސްމާއީލުގެ މައްޗަށް ދައުލަތުން ތުހުމަތު ކޮށްފައިވަނީ އިސްވެ ބަޔާންވެދިޔަ 12 ވަނަ މާއްދާގެ (ނ) ގައި އެ ބުނާ އެ ކުށެއް ކުރުމަށްޓަކައި އެއްވެސް މާނައެއްގައި އެހީތެރިވެދީގެން އެ ކުށް ކުރުމުގައި ބައިވެރިވި ކަމަށެވެ. ކުށެއް ކުރުމަށް އެހީތެރިވެވޭ ގޮތް ބަޔާންކޮށްފައިވަނީ 13 ވަނަ މާއްދާގައެވެ. އެ މާއްދާގައި ބަޔާންވެގެންވަނީ:

"ކުށެއް ކުރުމުގައި "އެހީތެރިވެގެން" މީހަކު ކުށްވެރިވާނީ، އެކުށެއް ރޭވުމުގައި ބައިވެރިވުމުން، ނުވަތަ ރޭވުމުގެ މަޢުލޫމާތު ލިބިހުރެ އެކުށް ކުޅައުމަށް ފަސޭހަވާފަދަ އެއްވެސް ޢަމަލެއް ކުރުމުން ނުވަތަ ކޮށްދިނުމުންނެވެ."

މިފަދައިން ކަމާއި، އެ ކުށެއް ރޭވުމުގެ ނުވަތަ ރޭވުމުގެ މަޢުލޫމާތު ލިބި ހުރެ، އެ ކުށެއް ކުޅައުމަށް ފަސޭހަވާނެފަދަ އެއްވެސް ޢަމަލެއް ކުރުން ނުވަތަ ކޮށްދިނުމަކީ އެ ކުށެއްގައި ބައިވެރިވުމުގެ ގޮތުން އެހީތެރިވެދެވޭނެ ގޮތްތައް ކަމާއި، ޙާމިދު އިސްމާޢީލްގެ މައްޗަށް ދައުލަތުން ތުހުމަތު ކޮށްފައިވަނީ ޢަބްދުﷲ ޒިޔަތު ކުރި ޚިޔާނާތްތެރިވުމުގެ ކުށުގައި އެހީތެރިވެގެން ބައިވެރިވި ކަމަށެވެ.

މިގޮތުން، ޙާމިދު އިސްމާޢީލްގެ މައްޗަށް ތުހުމަތު ކޮށްފައިވާ ކުށް ދައުލަތުން ތަކްޔީފު ކޮށްފައިވަނީ ކުރިން ޢަމަލުކުރަމުން ދިޔަ ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 12 ވަނަ މާއްދާ އާއި 13 ވަނަ މާއްދާ އާއި 149 ވަނަ މާއްދާގެ (ނ) އާ ޚިލާފަށް ކަމަށް ބެލެވޭނެ ތަނެއް ނެތް ކަން ފާހަގަކުރެވެއެވެ.

އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ކުށް ސާބިތުވުން

ކުރެއްދޫ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑްއިން އެމް.އެމް.ޕީ.އާރު.ސީއަށް 04 ޖޫން 2014 ގައި ދޫކޮށްފައިވާ US$5,000,000.00 (ފަސްމިލިޔަން އެމެރިކާ ޑޮލަރު) ގެ ޗެކަށް، އެ ޗެކާ ޙަވާލުވި ޢަބްދުﷲ ޒިޔަތު ޚިޔާނާތްތެރިވުމުގައި ޙާމިދު އިސްމާޢީލް ބައިވެރިވިކަމުގެ އެއްވެސް ހެއްކެއް ނެތް ނަމަވެސް، ކްރިމިނަލް ކޯޓުން ޙުކުމް ކޮށްފައިވަނީ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައިވާ މިންގަނޑަށް ދަޢުވާ ސާބިތުވާން ނެތް ޙާލަތުގައި ކަމަށް ވީނަމަވެސް، ހައިކޯޓުން އެކަން ބެލުމަކާ ނުލައި ޙުކުމް ކޮށްފައިވާ ކަމަށް އިސްތިއުނާފު ކުރާ ފަރާތުން ބުނެފައިވެއެވެ. މި ނުކުތާއާ ގުޅިގެން ދެ ފަރާތުން ދެއްކި ވާހަކަތަކާއި ހުށަހެޅިފައިވާ ލިޔުންތައް ބަލައި ދިރާސާކުރިއިރު، އަންނަނިވި ކަންކަން ފާހަގަކުރެވިފައިވެއެވެ.

އެމް.އެމް.ޕީ.އާރު.ސީއަށް ލިބެންޖެހޭ 5 (ފަހެއް) މިލިޔަން އެމެރިކާ ޑޮލަރުގެ ޚިޔާނާތުގެ މި ދަޢުވާގައި، ޙާމިދު އިސްމާޢީލްގެ ބައިވެރިވުން އޮތް ގޮތާއި މިންވަރު ޝަރީޢަތަށް ސާބިތުކޮށް ދިނުމުގެ ގޮތުން، ދައުލަތުން ޝަފަހީ އަދި ކިތާބީ ހެކިތަކެއް ކްރިމިނަލް ކޯޓަށް ހުށަހެޅި ކަމެވެ.

"މިލެނިއަމް ކެޕިޓަލް މެނޭޖްމަންޓް ޕްރައިވެޓް ލިމިޓެޑް އިން ޔޫއެސް ޑޮލަރު ގަތުމާބެހޭ އެއްބަސްވުން" މި ނަމުގައި އެމް.ސީ.އެމް އާއި ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ (މީގެ ފަހުން "އެސް.ޓީ.އޯ" ކަމަށް ބުނެފައިވާ ކުންފުނި) އާ ދެމެދު 18 މޭ 2014 ގައި އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ކަމާއި، މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ، އެމް.ސީ.އެމްގެ ފަރާތުން ޙާމިދު އިސްމާޢީލް ކަމާއި، މި އެއްބަސްވުމުގެ މުއްދަތަކީ މީލާދީ 01 (އެކެއް) މަސްދުވަސް ކަމާއި، އެސް.ޓީ.އޯއިން ޑޮލަރު ގަތުމަށް އެއްބަސްވެފައިވަނީ، 15.42 (ފަނަރަ ޕޮއިންޓް ހަތަރެއް ދޭއް) ރުފިޔާގެ ރޭޓުން 01 (އެކެއް) މިލިޔަން ޔޫއެސް ޑޮލަރު ކަމާއި، މި އެއްބަސްވުމުގައި ސޮއިކުރުމާއެކު، އެސް.ޓީ.އޯއިން 01 (އެކެއް) މިލިޔަން ޔޫ.އެސް (US) ޑޮލަރަށްވާ ދިވެހި ރުފިޔާ އެމް.ސީ.އެމްއާ ޙަވާލު ކުރަންޖެހޭ ކަމާއި، އަދި އެމް.ސީ.އެމްގެ ފަރާތުން 01 (އެކެއް) މިލިޔަން ޑޮލަރުގެ ޑޭޓެޑް ޗެކެއް އެސް.ޓީ.އޯއާ ޙަވާލު ކުރަންޖެހޭ ކަން އެ އެއްބަސްވުމުން އެނގެން އޮތް ކަމެވެ.

މި އެއްބަސްވުން އެކުލަވާލެވުނު އިރު، ޙާމިދު އިސްމާޢީލްއަކީ އެމް.ސީ.އެމްގެ 99 (ނުވަދިހަ ނުވަ) އިންސައްތަ ޙިއްޞާދާރު ކަމުގައި ވީނަމަވެސް، އެމް.ސީ.އެމްގެ ފަރާތުން ދުވަހުން ދުވަހަށް ކުރަންޖެހޭ އެއްވެސް މުޢާމަލާތެއް ޙާމިދު އިސްމާޢީލް ނުކުރާ ކަމަށް ހެކިބަސްދިން އެމް.ސީ.އެމްގެ އަނެއް ޙިއްޞާދާރު ޙާމިދު އިސްމާޢީލުގެ ކޮއްކޮ، އަމްޖަދު އިސްމާޢީލް އާއި އެމް.ސީ.އެމްގެ ޖެނެރަލް މެނޭޖަރ އަޙްމަދު ނިޒާމް ބުނެފައިވާއިރު، ޑޮލަރު ވިއްކުމުގެ މި މުޢާމަލާތަކީ، އެމް.ސީ.އެމްގެ ޢާންމު ވިޔަފާރީގެ ތެރެއިން ކުރެވުނު ކަމެއް ކަމަށް ބަލަންޖެހޭ ސަބަބެއް ޙާމިދު އިސްމާޢީލްގެ ފަރާތުން ބަޔާން ކޮށްދީފައިނުވާ ކަމާއި، މިއީ އެމް.ސީ.އެމްއިން ޢާންމުކޮށް ކުރާ ވިޔާފާރީގެ މުޢާމަލާތެއްނަމަ، ޙާމިދު އިސްމާޢީލް އެސް.ޓީ.އޯއަށް ގޮސް، އެ ތަނުގެ މެނޭޖިންގ ޑިރެކްޓަރާއި އަދި ދެ މުވައްޒަފަކާ ބައްދަލުކޮށް، 1 (އެކެއް) މިލިޔަން ޑޮލަރު ވިއްކުމަށް ހުށަހަޅަންޖެހޭ ސަބަބެއް ބަޔާން ކޮށްދެވިފައި ނެތް ކަމާއި، އެސް.ޓީ.އޯއާއެކު 1 (އެކެއް) މިލިޔަން ޑޮލަރު ވިއްކުމަށް ކުރެވުނު މުޢާމަލާތަކީ، އެއީ ޚާއްޞަގޮތަކުން ކުރެވުނު މުޢާމަލާތެއްނަމަ، އެ ޚާއްޞަވީ ގޮތެއް ވެސް އިސްތިއުނާފު ކުރާ ފަރާތުގެ ވާހަކަތަކުން އެނގެން ނެތް ކަން ފާހަގަކުރެވޭ ކަމެވެ.

އެސް.ޓީ.އޯއާއެކު ވެވުނު މި އެއްބަސްވުން އެކުލަވާލެވުނުއިރު، އެމް.ސީ.އެމްގެ ޑޮލަރު އެކައުންޓްގައި ވިއްކަން ބުނި ޢަދަދާ ގާތްކުރާ މިންވަރަށް ވެސް ޑޮލަރު ނެތް ކަމާއި، މާކެޓްގައި ވިއްކާ ވަރަށް އެ ކުންފުނީގައި ޑޮލަރު ނުހުންނަ ކަން ހެކިބަސް ދިން އަޙްމަދު ނިޒާމްގެ ބަހުން އެނގެން އޮތް ކަމާއި، އަޙްމަދު ނިޒާމަކީ، އެމް.ސީ.އެމް އުފެދުނީންސުރެ އެ ކުންފުނީގައި މަސައްކަތްކުރާ މީހެއް ކަމާއި، ހެކިބަސް ދިންއިރު އޭނާއަކީ އެ ކުންފުނީގެ ޖެނެރަލް މެނޭޖަރު ކަން ފާހަގަކުރެވޭ ކަމެވެ.

ހެކިބަސް ދިން އަމްޖަދު އިސްމާޢީލްގެ ހެކިބަހުގައި ޑޮލަރު ވިއްކާ ވަރަށް އެމް.ސީ.އެމްއަށް ޑޮލަރު ލިބޭ ކަމަށާއި، އެމް.ސީ.އެމްއިން ޑޮލަރު ވިއްކުމަށް ކުރިން ވެސް އެކިއެކި ފަރާތްތަކާ މުޢާމަލާތުކޮށްފައިވާ ކަމަށާއި، އެސް.ޓީ.އޯއާއެކު ދެ ފަހަރެއްގެ މަތިން އަދި އެމް.އެމް.ޕީ.އާރު.ސީއާއެކު އެއް ފަހަރު ޑޮލަރު ވިއްކުމުގެ މުޢާމަލާތު ކޮށްފައިވާނެ ކަމަށް ބުނިއިރު، އެމް.ސީ.އެމްއަށް އެ ވަރަށް ޑޮލަރު ލިބޭ ކަމުގެ އެއްވެސް ހުއްޖަތެއް ދެއްކިފައި ނެތް ކަމާއި، މިއާ ޚިލާފަށް އެމް.އެމް.ޕީ.އާރު.ސީއަށް އެމް.ސީ.އެމްއިން ޑޮލަރު ވިއްކުމަށް އޭގެ ކުރިން ކޮށްފައިވާ މުޢާމަލާތަށް އެމް.އެމް.ޕީ.އާރު.ސީއިން 25 ފެބުރުވަރީ 2014 ގައި 38,300,000/-ރ. (ތިރީސްއަށް މިލިޔަން ތިންލައްކަ ރުފިޔާ) ޙާމިދު އިސްމާޢީލްގެ އަމިއްލަ އެކައުންޓަށް ޖަމާކޮށްފައިވަނީ، އެމް.ސީ.އެމްއަށް ޑޮލަރު ނުދެވިގެން ޙާމިދު އިސްމާޢީލްގެ އަތުން އެ ފައިސާ ދޭންޖެހިގެން ކަން ޚުދު ޙާމިދު އިސްމާޢީލުގެ ބަހުން އެނގެން އޮތްއިރު، އެމް.ސީ.އެމްއަކީ އެސް.ޓީ.އޯއަށް ޑޮލަރު ވިއްކުމުގެ ޤާބިލުކަން ލިބިފައިވާ ކުންފުންޏެއް ކަމަށް އިސްތިއުނާފު ކުރާ ފަރާތުން ބުނާބުނުން ސާބިތުކޮށްދިނުމުގެ ޒިންމާ އެ ވަނީ އިސްތިއުނާފު ކުރާ ފަރާތަށް ފުރޮޅިގެން ގޮސްފައި ކަމާއި، އިސްތިއުނާފު ކުރާ ފަރާތުން އެކަން ސާބިތުކޮށް ދިނުމަށް އެއްވެސް ހެއްކެއް ޤަރީނާއެއްވިޔަސް ހުށަހަޅާފައި ނެތް ކަން ފާހަގަކުރެވޭ ކަމެވެ.

އެމް.އެމް.ޕީ.އާރު.ސީއަށް ލިބެންޖެހޭ 5 (ފަހެއް) މިލިޔަން އެމެރިކާ ޑޮލަރުގެ ޗެކް އެމް.ސީ.އެމްގެ އެކައުންޓަށް ޖަމާވުމާ ހަމައަށް ވިއްކަން އެއްބަސްވި މިންވަރާ ގާތްކުރާ މިންވަރަށް ވެސް އެމް.ސީ.އެމްގެ އެކައުންޓްގައި ޑޮލަރު ނެތް ކަމާއި، އެމް.ސީ.އެމްއިން އެސް.ޓީ.އޯއަށް ދޫކުރި ޑޭޓެޑް ޗެކްގައި ޖަހާފައިވާ ތާރީޚު ކަމުގައިވާ 18 ޖޫން 2014 ގައި އެމް.ސީ.އެމްގެ އެކައުންޓުގައި ހުރީ އެމް.އެމް.ޕީ.އާރު.ސީއަށް ލިބެންޖެހޭ 5 (ފަހެއް) މިލިޔަން އެމެރިކާ ޑޮލަރުގެ ތެރެއިން، އެމް.ސީ.އެމްގެ އެދުމުގެ މަތިން އަޙްމަދު އަދީބު ޢަބުދުލްޣަފޫރު ބަހައްޓަން ބުނެގެން ބެހެއްޓި 1 (އެކެއް) މިލިޔަން ޑޮލަރާއި އެމް.ސީ.އެމްގެ US$452,822.66 (ހަތަރުލައްކަ ފަންސާސްދެހާސް އަށްސަތޭކަ ބާވީސް ޕޮއިންޓު ހައެއް ހައެއް އެމެރިކާ ޑޮލަރު) ކަމާއި، އެހެންކަމުން، ޗެކްގައި ބަޔާންކުރި ތާރީޚް އައިއިރު، އެމް.ސީ.އެމްގެ އެކައުންޓުގައި ވިއްކަން ބުނި ޢަދަދަށް ޑޮލަރު ޖަމާވެފައި ހުރީ އެމް.އެމް.ޕީ.އާރު.ސީއަށް ލިބެންޖެހޭ ޑޮލަރު ކަން އެނގެން އޮންނަ ކަމާއި، 17 ޖޫން 2014 ގައި އެމް.ސީ.އެމްގެ އެކައުންޓުން އެސް.ޓީ.އޯގެ އެކައުންޓަށް ޖަމާކޮށްފައިވާ 1 (އެކެއް) މިލިޔަން ޑޮލަރަކީ، އެމް.ސީ.އެމްގެ ޑޮލަރު ނޫން ކަމާއި އެހެންކަމުން، ޑޮލަރު ވިއްކުމުގެ އެއްބަސްވުމުގައި ސޮއިކުރި ދުވަސް ކަމުގައިވާ 18 މޭ 2014 ގައި 1 (އެކެއް) މިލިޔަން އެމެރިކާ ޑޮލަރަށްވާ 15,420,000/-ރ. (ފަނަރަމިލިޔަން ހަތަރުލައްކަ ވިހިހާސް ރުފިޔާ) ގެ ޗެކެއް އެސް.ޓީ.އޯއިން އެމް.ސީ.އެމްއަށް ދީފައިވާ ކަން ޙާމިދު އިސްމާޢީލްގެ ބަހުން އެނގެން އޮންނައިރު، ޙަޤީޤަތުގައި މި ފައިސާގެ ބަދަލުގައި އެސް.ޓީ.އޯއަށް ލިބިފައިވާ 1 (އެކެއް) މިލިޔަން ޔޫ.އެސް ޑޮލަރަކީ، އެމް.ސީ.އެމްގެ ޑޮލަރު ނޫން ކަމާއި، އެއީ އެމް.އެމް.ޕީ.އާރު.ސީގެ ފައިސާ ކަމާއި، އެސް.ޓީ.އޯއިން އެމް.ސީ.އެމްއަށް ދިން 15,420,000/-ރ. (ފަނަރަމިލިޔަން ހަތަރުލައްކަ ވިހިހާސް ރުފިޔާ) އަކީ ވެސް ދައުލަތުގެ ފައިސާ ކަން ފާހަގަކުރެވޭ ކަމެވެ.

އެމް.ސީ.އެމްއިން ކުރާ ވިޔަފާރީގެ ބާވަތުން ޑޮލަރު ވިއްކުމުގެ ވިޔަފާރިއަކީ ކުރަމުން އަންނަ ވިޔާފާރިއެއް ތޯ ބަލާއިރު، އެމް.ސީ.އެމްގެ "މެމޮރަންޑަމް އޮފް އެސޯސިއޭޝަން" ގައި ބޭރު ފައިސާ ގަނެވިއްކުން ހިމެނިފައިނުވާ ކަމާއި، އެމް.ސީ.އެމްގެ ފަރާތުން ޑޮލަރު ވިއްކުމުގެ މުޢާމަލާތް ކުރަނީ ހުއްދަ އޮވެގެން ކަމަށްވިޔަސް ނުވަތަ ހުއްދަ ނެތި ކަމަށްވިޔަސް، އެއީ އެ ކުންފުނީގެ ވިޔާފާރީގެ ޢާންމު މުޢާމަލާތެއް ނުވަތަ ދުވަހުން ދުވަހަށް ކުރާ ބާވާތުގެ ކަމެއްނަމަ، އެ މުޢާމަލާތުގެ ތެރެއަށް ޙާމިދު އިސްމާޢީލް ވަންނަންޖެހުނު ގޮތެއް ޝަރީޢަތަށް ޤަބޫލު ކުރެވޭ މިންވަރަށް ޙާމިދު އިސްމާޢީލްގެ ފަރާތުން ބަޔާންކޮށް ދޭންޖެހޭ ކަމާއި، އެކަން ޙާމިދު އިސްމާޢީލުގެ ފަރާތުން ބަޔާންކޮށް ދެވިފައިނުވާ ކަން ފާހަގަކުރެވޭ ކަމެވެ.

ހެކިބަސްދިން ރ. ކިނޮޅަސް، ނިޔާމަ، ޝާހިދު ޙުސައިންގެ ހެކިބަހަށް ބަލާއިރު، ޝާހިދު ޙުސައިންއަކީ، އެމް.އެމް.ޕީ.އާރުސީއަށް ލިބެންޖެހޭ 5 (ފަހެއް) މިލިއަން އެމެރިކާ ޑޮލަރުގެ ޗެކް، އެމް.އެމް.ޕީ.އާރު.ސީގެ އިސްމުވައްޒަފެއްގެ އަތުން ލިބުނު ފަރާތް ކަމާއި، އެ ޗެކް ޝާހިދު ޙުސައިންގެ ރައްޓެއްސެއް މެދުވެރިކޮށް، އެމް.ސީ.އެމްގެ އެކައުންޓަށް ޖަމާކުރިއިރު، 5 (ފަހެއް) މިލިޔަން ޑޮލަރުގެ މި މުޢާމަލާތަކީ، އެމް.އެމް.އެމް.ޕީ.އާރު.ސީ އާއި މޮންޓިލިއަން އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑް (މީގެ ފަހުން "މޮންޓިލިއަން" ކަމަށް ބުނެފައިވާ ކުންފުނި) އާ ދެމެދު ކުރެވުނު ވިޔަފާރީގެ މުޢާމަލާތަކާ ގުޅިގެން ލިބުނު ޗެކެއް ކަމަށް ޝާހިދު ޙުސައިން ބުނެފައިވާއިރު، އެ ޗެކް އެމް.ސީ.އެމްގެ އެކައުންޓަށް ޖަމާކުރުމަށްފަހު، އެމް.ސީ.އެމްގެ ޗެކްތަތަކުން އޭގެ ތެރެއިން 4 (ހަތަރެއް) މިލިޔަން ޑޮލަރު މޮންޓިލިއަންއަށް ޖަމާކުރަންޖެހުނު ގޮތެއް ބަޔާންކޮށްފައި ނެތް ކަމާއި، ޝާހިދު ޙުސައިންއަކީ، މޮންޓިލިއަންގެ 85 (އަށްޑިހަ ފަހެއް) އިންސައްތަ ޙިއްޞާ އޮންނަ ފަރާތެއް ކަމަށް ވާއިރު، އެމް.ސީ.އެމްގެ ފަރާތުން ދިން ޗެކްތައް ހިފައިގެން ގޮސް މޮންޓިލިއަންގެ އެކައުންޓަށް ޖަމާކޮށްފައިވަނީ، ޝާހިދު ޙުސައިން ކަމާއި، އަދި ޝާހިދު ޙުސައިންއަކީ، އެމް.ސީ.އެމްގައި އޮތް ޙާމިދު އިސްމާޢީލްގެ 99 (ނުވަދިހަ ނުވައެއް) އިންސައްތަ ޙިއްޞާގެ ތެރެއިން 40 (ސާޅީސް) އިންސައްތަ ޙިއްޞާ 22 ޖަނަވަރީ 2015 ގައި ބަދަލު ކުރެވުނު ފަރާތް ކަމާއި، މި ކަންކަމުން މި ފަރާތްތަކުގެ މެދުގައި އޮތް ގުޅުން ހާމަވެގެންދާ ކަން ފާހަގަކުރެވޭ ކަމެވެ.

ބަޔާންވެދިޔަ ޙަޤީޤަތްތަކާއި ހެކިތައް ވަޒަންކުރާއިރު، ޅ. މާބިންހުރާގެ އެކުއިޒިޝަން ފީގެ ގޮތުގައި އެމް.އެމް.ޕީ.އާރު.ސީއަށް ލިބެންޖެހޭ 5 (ފަހެއް) މިލިޔަން ޑޮލަރާމެދު މުޢާމަލާތު ކޮށްފައިވާ ބައިވެރިންގެ މެދުގައި ޢާންމު އެއް މަޤްޞަދެއް އޮތް ކަން އެނގޭ ކަމާއި، މި ޚިނާޔާތުގައި ބައިވެރިވެފައިވަނީ ހަމައެކަނި ޙާމިދު އިސްމާޢީލް ނޫން ކަމާއި، މި ކަމުގައި އެމް.ސީ.އެމްގެ ޙިއްޞާދާރުންނާއި މޮންޓިލިއަންގެ ޙިއްޞާދާރުންގެ ބައިވެރިވުން އޮތް ކަން ފެންނަން އޮތް ކަމާއި، އެއީ އެމް.އެމް.ޕީ.އާރު.ސީއަށް ލިބެންޖެހޭ 5 (ފަހެއް) މިލިޔަން އެމެރިކާ ޑޮލަރުގެ ޗެކެއް، މޮންޓިލިއަންގެ 85 (އަށްޑިހަ ފަހެއް) އިންސައްތަ ޙިއްޞާ އޮތް ޝާހިދު ޙުސައިން މެދުވެރިކޮށް، ޝާހިދު ޙުސައިންގެ ރައްޓެއްސަކު ލައްވައި، އެ ޗެކް އެމް.ސީ.އެމްގެ އެކައުންޓަށް ޖަމާކޮށް، އެ ފަސްމިލިޔަން ޑޮލަރުގެ ތެރެއިން، 1 (އެކެއް) މިލިޔަން ޑޮލަރު އެމް.ސީ.އެމްއަށް ދިނުމަށްފަހު، ބާކީ އޮތް 4 (ހަތަރު) މިލިޔަން ޑޮލަރުން އެމް.ސީ.އެމްގެ ޗެކްތަކެއް މެދުވެރިކޮށް މޮންޓިލިއަންގެ އެކައުންޓަށް ޖަމާކުރުމާއި، އެމް.ސީ.އެމްއަށް 1 (އެކެއް) މިލިޔަން ޑޮލަރު ލިބުމުގެ ކުރިން، 1 (އެކެއް) މިލިޔަން ޑޮލަރަށްވާ ދިވެހި ރުފިޔާ އެސް.ޓީ.އޯއިން އެމް.ސީ.އެމްއަށް ލިބޭނެ ގޮތަށް ހަދާފައިވާ ކަމާއި، މިއީ ދައުލަތުގެ މާލިއްޔަތަށް ލިބެންޖެހޭ ފައިސާ ވަކި ބައެއްގެ މެދުގައި ވަކިގޮތަށް ދައުރުވާގޮތަށް ހިންގާފައިވާ މުޢާމަލާތެއް ކަމާއި، ޙާމިދު އިސްމާޢީލްއަކީ ވެސް އެމް.ސީ.އެމްގެ ދުވަހުން ދުވަހަށް ކުރާ މުޢާމަލާތްތަކުގައި ބައިވެރި ނުވާ މީހެއް ނަމަވެސް، މި ދެންނެވި މުޢާމަލާތުގެ ތެރެއަށް ޢަމަލީކޮށް ވަދެފައިވާ މީހެއް ކަން ފެންނަން އޮތް ޙަޤީޤަތްތަކުން އެނގެން އޮތް ކަމާއި، ދައުލަތުން ހުށަހެޅި ހެކިތަކާއި ޝަރީޢަތުގައި ސާބިތުކޮށްދިން ޙަޤީޤަތްތައް ނަފީވާ ވަރުގެ ހެއްކެއް ޙާމިދު އިސްމާޢީލްގެ ދިފާޢުގައި ހުށަހެޅިފައި ނެތް ކަން ފާހަގަކުރެވޭ ކަމެވެ.

އެމް.އެމް.ޕީ.އާރު.ސީގެ ފައިސާ ފުރަތަމަ ޖަމާވެފައިވަނީ އެމް.ސީ.އެމްގެ އެކައުންޓަށް ކަމަށް ވުމާއި، އެމް.ސީ.އެމް އާއި އެސް.ޓީ.އޯއާ ދެމެދު ހިނގި ޑޮލަރު ގަނެވިއްކުމުގެ އެއްބަސްވުމުގައި ޙާމިދު އިސްމާޢީލު ސޮއިކޮށްފައިވަނީ ކުންފުނީގެ ފަރާތުން ކަމަށް ވެފައި، ކުންފުންޏާބެހޭ ޤާނޫނުގެ 15 ވަނަ މާއްދާގެ ދަށުން ކުންފުންޏަކީ އޭގެ ޙިއްޞާދާރުންނާ ވަކިން އުފެދިފައިވާ މަޢުނަވީ ޝަޚްސިއްޔަތަކަށް ވުމުން، ޙާމިދު އިސްމާޢީލް ގެ ޒިންމާއެއް މި ކަމުގައި އޮތް ތޯ ބަލާއިރު، މި މައްސަލައަކީ މިހާރު ޢަމަލު ކުރަމުންދާ ޤާނޫނޫލްޢުޤޫބާތަށް ޢަމަލު ކުރަން ފެށުމުގެ ކުރިން ހިނގާފައިވާ ހާދިސާއެއް ކަމާއި، މިހާރު ޢަމަލު ކުރަމުންދާ ޤާނޫނޫލްޢުޤޫބާތާ ޚިލާފަށް ކުރީގެ ޤާނޫނުލްޢުޤޫބާތުގެ ދަށުން ކުންފުނިތަކުގެ މައްޗަށް ޖިނާއީ ދަޢުވާ ނުކުރެވޭ ކަމާއި، ކުންފުނީގެ ނަމުގައި ހިންގާ ކުށްތަކުގައި ކުރީގެ ޤާނޫނޫލްޢުޤޫބާތުގެ ދަށުން ދަޢުވާ ކުރެވެނީ އެ ޢަމަލެއް ހިންގި މީހުންގެ މައްޗަށް ކަމާއި، މިހާރު ޢަމަލު ކުރަމުންދާ ޤާނޫނޫލްޢުޤޫބާތުގައި ވެސް ފަރުދުން ޒިންމާވުމުގައި ތަފާތެއް ނެތް ކަމާއި، ކުންފުންޏެއްގެ ނަމުގައި މީހަކު ކުރާ ނުވަތަ ކުރުވާ ކުށުގެ ޢަމަލަކީ އޭނާގެ އަމިއްލަ ފަރުދީ ހައިސިއްޔަތުން ވެސް ޒިންމާ އުފުލަންޖެހޭނެ ޢަމަލެއް ކަމަށް މިހާރު ޢަމަލު ކުރަމުންދާ ޤާނޫނުލްޢުޤޫބާތުގެ 71 ވަނަ މާއްދާގެ (ހ) ގައި ބަޔާންވެގެން ވާކަން ފާހަގަކުރެވޭ ކަމެވެ.

މިގޮތުން، ދަށު ކޯޓުން ޙާމިދު އިސްމާޢީލްގެ މައްޗަށް ކުށް ސާބިތުކޮށްފައިވަނީ، ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި ބަޔާން ކުރާ މިންގަނޑާ ޚިލާފަށް ކަމަށް ބެލެވެން ނެތް ކަމާއި، އެ ކަން އެ ގޮތަށް އޮތް ކަން ހައިކޯޓުން ބަލައި ކަށަވަރުކޮށްފައިވާ ކަން އެނގެން އޮތް ކަން ފާހަގަކުރެވޭ ކަމެވެ.

ފަހުން ޢަމަލުކުރަން ފަށާ ޤާނޫނުން ލިބޭ ލުއި ލިބިދިނުން

ޤާނޫނުއަސާސީގެ 59 ވަނަ މާއްދާގެ (ހ) ގައި ބަޔާންވެގެންވަނީ ކުށެއް ކުރުމާއި، އެ ކުށެއް ކުރި މީހާއަށް ޙުކުމް ކުރުމާ ދެމެދު، އެ ކުރި ކުށެއްގެ އަދަބަށް ޤާނޫނަށް ގެންނަ ބަދަލަކުން ލުޔެއް ދީފައިވާނަމަ، އެ މީހަކަށް ދޭންވާނީ ފަހުން ހެދުނު ޤާނޫނުގައިވާ އަދަބު ކަމުގައެވެ.

މިގޮތުން ޖިނާއީ މައްސަލަތަކުގައި ޢާންމު އުޞޫލަކީ ދަޢުވާ ކުރެވޭނީ އަދި އެ މީހަކު ކުށްވެރިވާނީ އެ މީހަކު އެ ޢަމަލެއް ހިންގިއިރު ޢަމަލުކުރަމުން ދިޔަ ޤާނޫނުންނެވެ. އެހެންނަމަވެސް ޙުކުމް ކުރާއިރު، ޤާނޫނަށް ބަދަލެއް އައިސްގެން އެ މީހަކަށް ލުޔެއް ލިބެން އޮތްނަމަ، އެ މީހަކަށް އެ ލުޔެއް ލިބޭނެއެވެ.

ފަހުން ޢަމަލު ކުރަން ފެށި ޤާނޫނުލްޢުޤޫބާތުން ޙާމިދު އިސްމާޢީލުއަށް ލުޔެއް ލިބޭތޯ ބަލާއިރު އަންނަނިވި ކަންކަން ފާހަގަކުރެވެއެވެ.

ޙާމިދު އިސްމާޢީލުގެ މައްޗަށް ދަޢުވާ ކޮށްފައިވަނީ ކުރިން ޢަމަލުކުރަމުން ދިޔަ ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 12 ވަނަ މާއްދާ އާއި 13 ވަނަ މާއްދާއާ ޙަވާލާދީ އެ ޤާނޫނުގެ 131 ވަނަ މާއްދާގެ (ހ) އާއި 132 ވަނަ މާއްދާގެ ދަށުން ޚިޔާނާތްތެރިވުމުގައި ބައިވެރިވުމުގެ ކުށުގެ މައްޗަށް ކަމަށް ވާއިރު، 131 ވަނަ މާއްދާގެ (ހ) ގެ ދަށުން އަދަބަކީ، ޚިޔާނާތްތެރިވުމުގެ ކުށުގެ ޢަމަލުގައި ބައިވެރިވި ފުރަތަމަ ފަހަރުނަމަ 6 (ހައެއް) މަސްދުވަހާއި 1 (އެކެއް) އަހަރު ދުވަހާ ދެމެދުގެ މުއްދަތަކަށް އަރުވާލުން ނުވަތަ ޖަލަށްލުން ކަމާއި، 132 ވަނަ މާއްދާގެ ދަށުން ޚިޔާނާތްތެރިވި ކޮންމެ އެއްހާސް ރުފިޔާއަކަށް އެއް މަސްދުވަސް އިތުރުވާ ކަމާއި، ޚިޔާނާތެރިވި ފައިސާގެ ޢަދަދު 5 (ފަހެއް) މިލިއަން ޑޮލަރަށް އަރާއިރު އަދަބުގެ މިންވަރު 25 (ފަންސަވީސް) އަހަރަށްވުރެ ބޮޑުވާނެ ކަމާއި، ކުރީގެ ޤާނޫނުލްއުޤޫބާތުގެ 16 ވަނަ މާއްދާގެ ދަށުން އެއް ކުށަކަށް ދެވޭނެ އެންމެ ބޮޑު އަދަބަކީ 25 (ފަންސަވީސް) އަހަރު ކަން ފާހަގަކުރެވޭ ކަމެވެ.

މި މައްސަލައިގައި ދަށު ކޯޓުން ޙުކުމް އިއްވި ތާރީޚަކީ 23 ޖޫން 2016 ކަމަށް ވާއިރު، އެއިރު ރާއްޖޭގައި މިހާރު ޢަމަލުކުރަމުންދާ ޤާނޫނުލްއުޤުބާތަށް ޢަމަލުކުރަން ފަށާފައިވާ ކަމާއި، އެ ޤާނޫނުގެ 215 ވަނަ މާއްދާގެ ދަށުން ޚިޔާނާތްތެރިވުމަކީ ކުށެއް ކަމާއި، އެ ޤާނޫނުގެ 30 ވަނަ މާއްދާގެ (ހ) ގެ 3 ވަނަ ނަންބަރުގައި ބަޔާންވެގެންވާ ގޮތުން ކުށްކުރި މީހާ ކުށްއިރުއިރު އޭނާއާއެކު ބައިވެރިވި މީހެއް ނަމަ، އެ މީހަކު އެ ކަމުގެ ޒިންމާ އުފުލަން ޖެހޭނެ ކަމާއި، އެ ޤާނޫނުގެ 30 ވަނަ މާއްދާގެ (ރ) ގެ 2 ވަނަ ނަންބަރުގައި ބަޔާންވެގެންވަނީ، އޭނާއަކީ ހަމައެކަނި ކުށްކުރުމުގައި ބައިވެރިއެއް ކަމުގައިވާނަމަ އޭނާގެ ޒިންމާގެ ދަރަޖައަކަށް ވާނީ، އޭނާ އެހީތެރިވެދިން ކުށްކުރުމުގެ ދަރަޖައަށްވުރެ އެއް ދަރަޖަ ތިރި ދަރަޖައެއް ކަމަށެވެ.

މި މައްސަލައިގައި ޚިޔާނާތުގެ ކުށް ކުރިމީހާ ކަމުގައިވާ ޢަބްދުﷲ ޒިޔަތު ކުރި ކުށުގެ ދަރަޖަ ކުރެވިފައިވަނީ ޤާނޫނުލްޢުޤޫބާތުގެ 210 ވަނަ މާއްދާގެ (ށ) ގެ 1 ވަނަ ނަންބަރުގެ ދަށުން ޖިނާޔަތުގެ 3 ވަނަ ދަރަޖައިގެ ކުށެއްގެ ގޮތުގައެވެ. ޙާމިދު އިސްމާޢީލަކީ ކުށް ކުރުމުގެ ބައިވެރިއަކަށް ވާތީ ކުށް ދަރަޖަ ކުރެވޭނީ ޖިނާޔަތުގެ 4 ވަނަ ދަރަޖައިގެ ކުށެއްގެ ގޮތުގައެވެ. ޖިނާޔަތުގެ 4 ވަނަ ދަރަޖައިގެ އަދަބުގެ އަސާސީ މިންގަނޑުގައިވާ އަދަބަކީ 1 (އެކެއް) އަހަރާއި 7 (ހަތެއް) މަހާއި 6 (ހައެއް) ދުވަހަށް ޖަލަށްލުމެވެ.

ނަމަވެސް، މިހާރު ޢަމަލު ކުރަމުންދާ ޤާނޫނުލްޢުޤޫބާތަށް ޢަމަލު ކުރަން ފެށުމުގެ ކުރިން ހިނގާފައިވާ ކުށްތަކަށް އައު ޤާނޫނުގެ ދަށުން އަދަބު ދިނުމުގައި ޢަމަލު ކުރަންޖެހޭ އުޞޫލެއް އެ ޤާނޫނުގެ 1001 ވަނަ މާއްދާގެ (ރ) ގައި ބަޔާންވެގެންވާ ކަމާއި، އެ މާއްދާގައި ބަޔާންވެގެންވަނީ، "މި ޤާނޫނަށް ޢަމަލުކުރަން ފެށުމުގެ ކުރިން ހިނގާފައިވާ ކުށްތަކަށް، މި ޤާނޫނުގެ ދަށުން އަދަބު ދޭއިރު، އެ ހާދިސާގައި ހިމެނޭ ގިނަ ކުށްތަކަށް ދަޢުވާ ކުރެވިފައިނުވާ ޙާލަތްތަކުގައި، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ "އަދަބު ކަނޑައެޅުމުގެ އަސާސީ މިންގަނޑު" ކަމަށް ބަލާނީ، މި ޤާނޫނުގެ 1002 ވަނަ މާއްދާގައި އޮތް، ކަނޑައެޅޭ އަދަބުގެ މިންވަރު ބަޔާންކޮށްދޭ ތާވަލުގައި އޮތް އަދަބު ކަނޑައެޅުމުގެ އަސާސީ މިންގަނޑަށްވުރެ 3 (ތިނެއް) ދަރަޖަ މަތީ ދަރަޖައެކެވެ. އެއަށްފަހު މި މާއްދާގެ (ށ) އާއި (ނ) ގައި ބަޔާންކޮށްފައިވާ ގޮތަށް ޢަމަލުކުރުމަށްފަހު އަދަބުގެ މިންވަރު ކަނޑައަޅާނީއެވެ." މިފަދައިންނެވެ. މި އުޞޫލުން ބަލާއިރު، ކުށްކުރި މީހާގެ އަދަބުގެ އަސާސީ މިންގަނޑު 5 (ފަހެއް) އަހަރާއި 7 (ހަތެއް) މަހާއި 6 (ހައެއް) ދުވަހަށް ބަދަލުވާތީ ކުށްކުރުމުގައި ބައިވެރިވި މީހާގެ އަދަބުވެސް އެއަށްވުރެ އެއް ދަރަޖަ ދަށްކުރުމުން އަދަބުގެ އަސާސީ މިންގަނޑަކަށް ވާނީ 2 (ދޭއް) އަހަރާއި 9 (ނުވައެއް) މަހާއި 18 (އަށާރަ) ދުވަސް ކަމެވެ. ދަށު ކޯޓުން އަދަބުގެ އަސާސީ ދަރަޖަ ކަނޑައެޅިއިރު މި މާއްދާއަށް ރިޢާޔަތް ކޮށްފައި ނުވާ ކަން ފާހަގަކުރެވެއެވެ.

ދަށު ކޯޓުން އަދަބު ކަނޑައެޅުމުގައި އަސާސީ މިންގަނޑަށްވުރެ 3 (ތިނެއް) ދަރަޖަ މަތިކޮށްފައިވެއެވެ. އެއީ މިހާރު ޢަމަލު ކުރަމުންދާ ޤާނޫނުލްޢުޤޫބާތުގެ 1102 ވަނަ މާއްދާގެ (ހ) ގެ 1، 2 އަދި 3 ވަނަ މާއްދާގެ ދަށުންނެވެ. އެއީ 1102 ވަނަ މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރުގެ (iii)ގައި ބަޔާންވެގެންވާ ދައުލަތުގެ މުދަލަކުން ދައުލަތް މަޙްރޫމްކުރުވުމުން އަދަބުގެ އެއް ދަރަޖަ މަތި ކުރުމާއި، 2 ވަނަ ނަންބަރުގެ (i) ގައި ބަޔާން ކުރާ، ކުށްވެރިޔާއަކީ ކުށުގެ ޢަމަލު ހިންގުނު މީހާގެ މަޞްލަޙަތަށް ޢަމަލު ކުރުމުގެ ޤާނޫނީ ޒިންމާ އޮތް މީހެއް ކަމަށް ބަލައި އަދަބުގެ އެއް ދަރަޖަ މަތިކުރުމާއި، 3 ވަނަ ނަންބަރުގައި ބަޔާން ކުރާ ކުށް މާނަކުރާ މާއްދާތަކުގައި އެ ކުށް ފުރިހަމަވުމަށް ބޭނުންވާ ގެއްލުމުގެ މިންވަރަށްވުރެ، އެކަށީގެންވާ ބޮޑު މިންވަރަކަށް އެ ކުށުގެ ސަބަބުން ގެއްލުންވެފައިވާތީ، އަދަބުގެ އެއް ދަރަޖަ މަތިކުރުމާއި މި 3 (ތިނެއް) ޙާލަތަށް ރިޢާޔަތްކޮށް އަދަބުގެ 3 (ތިނެއް) ދަރަޖަ މަތިކޮށްގެން ކަން އެނގެން އޮތް ކަމެވެ.

އަދަބުގެ ދަރަޖަ މަތިކުރެވުނު ގޮތަށް ބަލާއިރު، 1102 ވަނަ މާއްދާގެ (2) ވަނަ ނަންބަރުގެ (i) ގެ ދަށުން ދަރަޖައެއް ބޮޑު ކޮށްފައިވަނީ ރަނގަޅަށް ނޫން ކަމާއި، ސަބަބަކީ ޙާމިދު އިސްމާޢީލަކީ، އެމް.އެމް.ޕީ.އާރު.ސީގެ މަޞްލަޙަތަށްޓަކައި ޢަމަލު ކުރުމުގެ ޤާނޫނީ ޒިންމާއެއް އޮތް މީހަކު ކަން ހުށަހެޅުނު އެއްވެސް ހެއްކަކުން ފެންނަން ނެތުމުން ކަމާއި، އެހެންކަމުން 1102 ވަނަ މާއްދާގެ ދަށުން އިތުރު ކުރެވޭނީ ދެ ދަރަޖަ ކަމާއި، ޙާމިދު އިސްމާޢީލްގެ މައްޗަށް ސާބިތުވި ކުށުގެ އަސާސީ މިންގަނޑު ކަމުގައިވާ 2 (ދޭއް) އަހަރާއި 9 (ނުވައެއް) މަހާއި 18 (އަށާރަ) ދުވަހުގެ ތެރެއަށް ދެ ދަރަޖަ އިތުރު ކުރުމުން އަދަކަށްވާނީ 3 (ތިނެއް) އަހަރާއި 7 (ހަތެއް) މަހާއި 6 (ހައެއް) ދުވަސް ކަން އެނގެން އޮންނަ ކަމެވެ.

މި ބުނެވިދިޔަ އަދަބަކީ ދަށު ކޯޓުން ކަނޑައެޅި އަދަބަށް ވުރެ ބޮޑު އަދަބެއް ކަމާއި، ދަށު ކޯޓުން ޙާމިދު އިސްމާޢީލްގެ މައްޗަށް ކަނޑައަޅާފައިވާ އަދަބަކީ 2 (ދޭއް) އަހަރާއި 9 (ނުވައެއް) މަހާއި 18 (އަށާރަ) ދުވަހަށް ޖަލަށްލުން ކަމާއި، މި މައްސަލަ ދައުލަތުން އިސްތިއުނާފުކޮށް އަދަބު މަތިކުރުމަށް އެދިފައި ނުވާތީ، ދަށު ކޯޓުން ކަނޑައެޅި އަދަބަށް ބަދަލެއް ގެންނަން ނުޖެހޭ ކަން ފާހަގަކުރެވޭ ކަމެވެ.

މިގޮތުން، ފަހުން ޢަމަލުކުރަން ފެށުނު ޤާނޫނުން ލިބިދިން ލުއި މި މައްސަލައިގައި ޙާމިދު އިސްމާޢީލަށް ލިބިދީފައިވާ ކަމާއި، މި ކަމުގައި ހައިކޯޓުން ނިންމާފައިވާ ނިންމުން ރަނގަޅު ކަން ފާހަގަކުރެވެއެވެ.

އިސްވެ ބަޔާންވެދިޔަ ކަންކަން އެގޮތަށް ހުރުމުން، ދައުލަތުން ޙާމިދު އިސްމާޢީލްގެ މައްޗަށް ކޮށްފައިވާ ޚިޔާނާތްތެރިވުމުގައި ބައިވެރިވުމުގެ ކުށުގެ ދަޢުވާގައި އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ޙާމިދު އިސްމާޢީލްގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ދަށު ކޯޓާއި ހައިކޯޓުން ނިންމާފައިވާ ނިންމުން ރަނގަޅު ކަމަށާއި، ފަހުން ޢަމަލުކުރަން ފެށުނު ޤާނޫނުން ލިބޭ ލުއި ޙާމިދު އިސްމާޢީލަށް ލިބިދީފައި ވަނީ ރަނގަޅަށް ކަމަށް ވާތީ، މި މައްސަލައިގައި ހައިކޯޓުގެ ނިންމުމަށް ބަދަލު ގެންނަން ޖެހޭ ތަނެއް ނެތް ކަމަށް އަހުރެންނަށް ބުރަވެވެއެވެ.

ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުގެ ރައުޔުމި މައްސަލައިގައި ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްގެ ރައުޔުމި މައްސަލައިގައި ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

ޙުކުމް

ދެންފަހެ، އިސްވެ ބަޔާންވެދިޔަ ނުކުތާތަކުގައި ބަޔާން ކުރެވުނު ސަބަބުތައް އެފަދައިން ހުރުމުން، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HC-A/457 ޤަޟިއްޔާގައި ޙުކުމް ކޮށްފައިވަނީ ކަމާބެހޭ ޤާނޫނުތަކުގެ ހަމަތަކާ އެއްގޮތަށް ކަމަށް ވާތީ، މި މައްސަލަ ބެލި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HC-A/457 ޤަޟިއްޔާގެ ޙުކުމަށް ތާއީދު ކޮށްފީމެވެ.

މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ:

މަޙާޒު ޢަލީ ޒާހިރުޢަލީ ރަޝީދު ޙުސައިންމުޙައްމަދު އިބްރާހީމް(ރިޔާސަތު)

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ޝެއަރ ކުރައްވާ