ޢަބްދުﷲ ޤާސިމް ވ. ފެނަކަ ކޯޕަރޭޝަން ޕަބްލިކް
ޚުލާޞާ
ޚުލާޞާ ނެތް.
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- —
- ފަހުގެ ތާރީޚު
- —
ނިންމުން
—
ކޯ ޓާމްސް
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
މި ލިޔުމުން އުޞޫލެއް ނުނެގުނު.
ފަނޑިޔާރުން
- ބެންޗު
- —
- ޚިލާފު ރައުޔު
- ނެތް
ޝަރީޢަތުގެ ވީޑިއޯ
ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު
2019/SC-A/66
ޝަރީޢަތް ނިމުނުގޮތް
ޢަބްދުﷲ ޤާސިމް ވ. ފެނަކަ ކޯޕަރޭޝަން ލިމިޓެޑް
ފަނޑިޔާރުންގެ މަޖިލިސް
ފަނޑިޔާރު ޙުސްނުއްސުޢޫދުފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްނިމުނު ތާރީޚު
15 ޖުލައި 2021އިސްތިއުނާފު ކުރެވުނު ޤަޟިއްޔާ
2016/HC-A/334
އިސްތިއުނާފު ރައްދުވާ ފަރާތް
އިސްތިއުނާފުކުރާ ފަރާތް
ފެނަކަ ކޯޕްރޭޝަން ލިމިޓެޑް
ޢަބްދުﷲ ޤާސިމް
ޤާނޫނީ ވަކީލު:
ޙަސަން ފަލާޙް
މަދަނީ މައްސަލަ – ކޮންޓްރެކްޓެއް ތަކްވީނުވުން – ދުވަހު ކުލި – ދުވަހު ކުއްޔަށް ނެގުމުގެ މުއާމަލާތުގެ ތަބީއަތު
ޢަބްދުﷲ ޤާސިމް ވ. ފެނަކަ ކޯޕަރޭޝަން ލިމިޓެޑް
ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރައުޔު (ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިން އަދި ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމް ތާއީދު ކުރައްވާފައި)
ތައާރުފު
މިއީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރ2016/HC-A/334 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށްޓަކައި ޢަބްދުﷲ ޤާސިމް މީގެ ފަހުން "އިސްތިއުނާފުކުރާ ފަރާތް" ނުވަތަ "ޢަބްދުﷲ ޤާސިމް" ކަމަށް ބުނެފައިވާ) ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅުމުން، ބެލި މައްސަލައެކެވެ. މި ގަޒިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ ފެނަކަ ކޯޕަރޭޝަން ލިމިޓެޑް (ކުންފުނީގެ ރަޖިސްޓަރީ ނަންބަރު C-0462/2012) މީގެ ފަހުން "އިސްތިއުނާފު ރައްދުވާ ފަރާތް" ނުވަތަ "ފެނަކަ" ކަމަށް ބުނެފައިވާ( އެވެ.
މައްސަލައިގައި ކަން ހިނގާފައިވާ ގޮތް
ހައްދުންމަތި ގަމު މެޖިސްޓްރޭޓް ކޯޓުގައި ޢަބްދުﷲ ޤާސިމް ދައުވާކުރީ އޭނާގެ ނަމުގައި ރަޖިސްޓަރީކޮށްފައިވާ COA1497 ނަންބަރު ފިއުލް ބައުޒަރު 18 ސެޕްޓެމްބަރ 2012 ވަނަ ދުވަހު ފެނަކަ އިން ދުވާލަކަށް 1,000.00 (އެއްހާސް) ރުފިޔާގެ މަގުން ދުވަހު ކުއްޔަށް ގެންގޮސްފައިވާ ކަމަށާއި، އެގޮތުން ދައުވާކުރި ދުވަހާ ހަމައަށް ދުވާލަކަށް 1,000.00 (އެއްހާސް) ރުފިޔާގެ މަގުން ދައްކަން ޖެހޭ 990,000.00 (ނުވަ ލައްކަ ނުވަދިހަ ހާސް) ރުފިޔާ ފެނަކައިން ހޯދުމަށެވެ.
މި ދައުވާގެ ޖަވާބުގައި ފެނަކަ ކޯޕަރޭޝަން އިން ބުނެފައިވަނީ 18 ސެޕްޓެމްބަރު 2012 ދުވަހު ޢަބްދުﷲ ޤާސިމްގެ ފިއުލް ބައުޒަރު ދުވަހު ކުއްޔަށް 1,000.00 (އެއްހާސް) ރުފިޔާގެ މަގުން ކުލި ދެއްކުމަށް ނުގެންދާ ކަމަށާއި ނަމަވެސް ފިއުލް ބައުޒަރުން ތެޔޮ އުފުލުމަށް ކުރާ ކޮންމެ ދަތުރަކަށް 1,000.00 (އެއްހާސް) ރުފިޔާގެ މަގުން ފައިސާ ދެއްކުމަށް ނެގި ކަމަށެވެ. ނަމަވެސް އެ ބައުޒަރުން ތެޔޮ އުފުލަން ބެލިއިރު އެ ވެހިކަލްގެ ތެޔޮ ހޮޅިއެއް ފަޅައިގެން ގޮސްފައިވުމުގެ ސަބަބުން ތެޔޮ އުފުލެވޭ ވަރު ނުވާތީ އާއި، އެ ވެހިކަލްގެ އަހަރީ ފީ ދައްކާފައި ނުވާތީ އާއި، ރޯޑްވާދިނަސް އާއި އިންޝުއަރަންސްވެސް ހައްދާފައި ނުވާތީވެ، އެ ބައުޒަރު އެފަރާތާ ހަވާލުކުރުމަށް މަސައްކަތްކުރުމުން ވެސް ޢަބްދުﷲ ޤާސިމްގެ ފަރާތުން އެ ބައުޒަރުގެ ތަޅުދަނޑިއާ ހަވާލު ނުވުމުގެ ސަބަބުން އެ ތަޅުދަނޑި ފެނަކަ ކޯޕަރޭޝަންގެ ބެލުމުގެ ދަށުގައި އޮތް ކަމަށާއި، އެ ބައުޒަރު ހަވާލުކުރެވިފައި ނުވަނީ ޢަބްދުﷲ ގާސިމް އެ ތެޔޮ ބައުޒަރާއި ހަވާލުނުވުމުން ކަމަށެވެ. އަދި އެ ބައުޒަރުން ތެޔޮވެސް އުފުލާފައި ނުވާ ކަމަށެވެ. އެހެންކަމުން ޢަބްދުﷲ ޤާސިމް ދައުވާކުރާ ފައިސާއަކީ ދައްކަންޖެހޭ ފައިސާއެއް ނޫން ކަމަށެވެ.
ލ. ގަމު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 129/O6C/2015 ގަޒިއްޔާއިން ނިންމާފައިވަނީޢަބްދުﷲ ޤާސިމްގެ ބައުޒަރު ފެނަކައިން ކުއްޔަށް ނެގި ކަމަށާއި، ކުއްޔަށް ނެގި ތާރީޚު ކަމުގައިވާ18 ސެޕްޓެމްބަރު 2012 އިން ފެށިގެން 30 ނޮވެމްބަރު 2013 ގެ ނިޔަލަށް ހޭދަވާ 396 ދުވަހުގެ ކުލީގެ ގޮތުގައި ދުވާލަކަށް 1,000.00 (އެއްހާސް) ރުފިޔާގެ މަގުން 396,000.00 (ތިންލައްކަ ނުވަދިހަ ހަހާސް) ރުފިޔާ ފެނަކައިން ޢަބްދުﷲ ޤާސިމްއަސް ދައްކަން ޖެހޭ ކަމަށެވެ.
މި ގަޒިއްޔާ ފެނަކައިން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމުން ދިވެހިރާއްޖޭގެ ހައިކޯޓުން އެ މައްސަލަ ބެލި އެ ކޯޓުގެ ނަންބަރު 2016/HC-A/334 ގަޒިއްޔާގައި ލ. ގަމު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 129/O6C/2015 ގަޒިއްޔާގެ ހުކުމް ބާތިލުކޮށް، ހައިކޯޓުން ނިންމާފައިވަނީ ޢަބްދުﷲ ޤާސިމްގެ ބައުޒަރެއް ދުވަހު ކުއްޔަށް ދުވަހަކު 1,000.00 (އެއްހާސް) ރުފިޔާގެ ރޭޓުން 3 ދުވަހުގެ މުއްދަތަށް ސައުތް ސެންޓްރަލް ޔުޓިލިޓީޒް ލިމިޓެޑްއަށް ގެނެސް ބޭނުންކޮށްފައިވާކަން ސާބިތުވާ ކަމަށާއި، އެހެންކަމުން 3,000.00 (ތިންހާސް) ރުފިޔާ ފެނަކައިން ޢަބްދުﷲ ޤާސިމް އަށް ދައްކަން ޖެހޭކަމަށެވެ.
ދިވެހިރާއްޖޭގެ ހައިކޯޓުގެ ހުކުމަށް ވާސިލުވި ސަބަބު
ދިވެހިރާއްޖޭގެ ހައިކޯޓުން ކުރި ހުކުމުގައި ބުނެފައިވަނީ ދައުވާ ސާބިތުކުރުމަކީ ދައުވާކުރާ ފަރާތުގެ މަސްއޫލިއްޔަތަކަށް ވާއިރު، ޢަބްދުﷲ ޤާސިމްގެ ބައުޒަރު ސައުތު ސެންޓްރަލް ޔުޓިލިޓީސް ލިމިޓެޑް އަށް ކުއްޔަށް ދިންކަން ސާބިތުކުރުމަށް ޢަބްދުﷲ ޤާސިމް ހުށަހެޅި ހެކިންގެ ހެކިބަހުން ސާބިތުނުވާ ކަމަށެވެ. އެގޮތުން ހައިކޯޓުން އަންނަނިވި ކަންކަން ފާހަގަކޮށްފައިވެއެވެ.
(ހ)ޢަބްދުﷲ ޤާސިމްގެ ބައުޒަރު ސައުތު ސެންޓްރަލް ޔުޓިލިޓީސް ލިމިޓެޑް އަށް ކުއްޔަށް ދިނުމަށް މަޝްވަރާ ކުރެވުނުކަން އެނގެއެވެ. ނަމަވެސް ޢަބްދުﷲ ޤާސިމްގެ ބައުޒަރު ކުއްޔަށް ހިފުމަށް ޢަބްދުﷲ ގާސިމް އާއި އެ ކުންފުނީގެ ފަރާތުން ޢަބްދުއްޝުކޫރުއާ ދެމެދު ހޮޓަލެއްގެ ކޮފީ މޭޒުމަތީގައި ތިބެ އެއްބަސްވުމެއްގައި ސޮއިކުރިކަމަށް ޢަބްދުﷲ ގާސިމް ބުނިނަމަވެސް ޢަބްދުއްޝުކޫރު އެކަމަށް އިންކާރުކޮށްފައި އޮތުމުން ދެފަރާތުގެ ދެމެދުގައި އެއްބަސްވުމެއްގައި ސޮއިކުރިކަން ސާބިތުނުވެއެވެ.
(ށ)ފެނަކައިގެ ޑީސަލް އުފުލާ އުޅަނދަކަށް ދިމާވި މައްސަލައަކާ ގުޅިގެން އެއްދުވަހު ދަތުރަކަށް 1,000.00 (އެއްހާސް) ރުފިޔާގެ ރޭޓުން އެ ބައުޒަރު ކުއްޔަށް ހިފުމަށް ޢަބްދުﷲ ޤާސިމްއާ ވާހަކަ ދެއްކުމަށްފަހު، އެ ބައުޒަރުގެ ޓޭންކް ޓެސްޓު ކުރުމުގެ ގޮތުންނާއެކު އެ ކުންފުނީގެ ޑްރައިވަރު ޙަސަން ޒަރީރު ލ. ފޮނަދޫއަށް ގޮސް ތެޔޮ ބަރުކުރުމުން ހޮޅިގަނޑަކުން ތެޔޮ ލީކުވާކަން އެނގުމުން ތެޔޮ އެތަނަށް ހުސްކުރުމަށްފަހު، އެ ބައުޒަރު ގެނެސް ބާއްވާފައި އޮތީ ލ. ގަން ކައުންސިލުގެ އިދާރާގެ ގޯތިތެރޭގައި ކަމާއި، އެގޮތަށް އެތަނުގައި ބައުޒަރު ބާއްވާފައި އޮތީ ޢަބްދުﷲ ޤާސިމް ބުނެގެންކަމަށް ޢަބްދުއްޝުކޫރު ބުނެފައިވާއިރު، އެ ބައުޒަރަށް މައްސަލަތަކެއް ދިމާވެގެން އެ ވާހަކަ ޢަބްދުﷲ ޤާސިމްއަށް ގުޅައި، ޢަބްދުއްޝުކޫރު ވާހަކަ ދެއްކިކަން މި މައްސަލައިގައި ހެކިންގެ ގޮތުގައި ހާޒިރުކުރެވުނު ޙަސަން ޒަރީރާއި މުޙައްމަދު އަދުހަމްގެ ބަހުން އެނގޭއިރު، އެ ބައުޒަރުގެ ތަޅުދަނޑު އެ ކުންފުނީގައި ބޭއްވިފައިވަނީ ޢަބްދުﷲ ޤާސިމް އަންނަން ދެކަށެވެ.
(ނ)މި ބައުޒަރު ބޭނުންކުރެވިފައިވަނީ އެންމެ ގިނަވެގެންވެސް ތިން ދުވަހުގައި ކަމަށް ޢަބްދުﷲ ޤާސިމްގެ ފަރާތުން ހުށަހަޅާފައިވާ އެއް ހެއްކަކު ބުނެފައި ވެއެވެ. އެއަށްވުރެ ގިނަދުވަހު އެ ބައުޒަރު ބޭނުންކުރި ކަމަށް އެއްވެސް ހެއްކަކު ބުނެފައި ނުވެއެވެ.
(ރ)ޢަބްދުﷲ ޤާސިމްގެ ފަރާތުން ފެނަކަ ކޯޕަރޭޝަން ލިމިޓެޑް އަށް 25 ސެޕްޓެމްބަރު 2013 ގައި ފޮނުވާފައިވާ ސިޓީއަށް ބަލާއިރު، އެ ބައުޒަރު ކުއްޔަށް ހިފުމުގެ އެއްބަސްވުމެއް ޢަބްދުﷲ ޤާސިމްއާއި ސައުތު ސެންޓްރަލް ޔުޓިލިޓީސް ލިމިޓެޑްއާއި ނުވަތަ ފެނަކަ ކޯޕަރޭޝަންއާ ދެމެދު ކުރެވިފައި ނެތް ކަމަށް އެފަރާތުން އެ ސިޓީގައި ބުނެފައި ވެއެވެ.
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅުނު އިސްތިއުނާފު
ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HC-A/334 ގަޒިއްޔާގައި ހުކުމްކޮށްފައިވަނީ ގާނޫނާ އެއްގޮތަށް ނޫންކަމަށް ބުނެ ޢަބްދުﷲ ޤާސިމްގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅި އިސްތިއުނާފުގައި ބުނެފައިވަނީ ކޮންޓްރެކްޓާބެހޭ ގާނޫނު ބުނާގޮތުން ކޮންޓްރެކްޓަކީ ވަކި މިވެނި ގޮތަކަށް އޮންނަން ޖެހޭ އެއްޗެއް ނޫން ކަމަށާއި، ދެފަރާތުގެ ދެމެދުގައި ކަން ހިނގާފައިވާ ގޮތުން ޢަބްދުﷲ ޤާސިމްއާއި ފެނަކައާ ދެމެދު ބައުޒަރު ކުއްޔަށް ދިނުމަށް އެއްބަސްވުމެއް ވެވުނީކަމަށް ބެލެވޭނެ ކަންކަން ހުރިކަން ހެކިންގެ ހެކި ބަހުން އެނގޭ ކަމަށެވެ. މީގެ އިތުރުން ޢަބްދުﷲ ޤާސިމްގެ ފަރާތުން ބުނެފައިވަނީ ކުއްޔަށް ތަކެތި ދޫކުރާ ތަންތަނުން ކުއްޔަށް ގެންދާ ތަކެތީގެ ކުލި ނަގައިދިނުމާބެހޭ ގަވާއިދު މި މައްސަލައަށް ތަތުބީގު ކުރެވޭނެ އެއްވެސް ހަމައެއް ނެތް ކަމަށެވެ.
ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ އިސްތިއުނާފަށް ބަލާއިރު، ސުޕްރީމް ކޯޓުގެ ޝަރީއަތުގެ ކުރިމަތީގައި އޮތް ގާނޫނީ ނުކުތާއަކީ، ޢަބްދުﷲ ޤާސިމްގެ ބައުޒަރު ފެނަކައަށް ކުއްޔަށް ދިނުމަށްޓަކައި ފެނަކައާ ޢަބްދުﷲ ޤާސިމްއާ ދެމެދު އެއްބަސްވުމެއް ވެފައިވާކަން ޝަރީއަތުގެ މަޖިލީހަށް ދެފަރާތުން ހުށަހެޅި ހެކިންގެ ހެކި ބަހުންނާއި ލިޔެކިޔުންތަކުން ސާބިތުވޭތޯ ނުވަތަ ނޫންތޯއެވެ.
ޝަރީއަތުގެ މަޖިލީހަށް ދެފަރާތުން ހުށަހެޅި ހެކިން ދީފައިވާ ހެކި ބަހަށް ބަލާއިރު އަންނަނިވި ކަންކަން ފާހަގަކުރެވިފައިވެއެވެ.
(ހ)ފެނަކައިގެ ފަރާތުން ގަމު ރީޖަންއާ ހަވާލުވެހުރި ލ. ގަމު ތުނޑި ޗާންދަނީވިލާ ޢަބްދުއްޝުކޫރު ޢަބްދުއްރަޙްމާން ލ. ގަމު މެޖިސްޓްރޭޓް ކޯޓަށް ހެކިބަސް ދެމުން ބުނެފައިވަނީ 2012 ޖުލައި އަދި އޮގަސްޓުގައި ޢަބްދުﷲ ޤާސިމްއާ އެވާހަކަ ދެކެވުނު ކަމަށާއި ނަމަވެސް ޢަބްދުﷲ ޤާސިމްގެ ބައުޒަރެއް މަހު ކުއްޔަށް ނަގާފައި ނުވާނެ ކަމަށެވެ. ނަމަވެސް ދުވަހު ކުއްޔަށް ދަތުރަކަށް 1,000.00 (އެއްހާސް) ރުފިޔާ މަގުން ދުވަހު ކުއްޔަށް ދަތުރުކޮށްފައިވާ ކަމަށެވެ.
(ށ)ޢަބްދުއްޝުކޫރު ޢަބްދުއްރަޙްމާން ލ. ގަމު މެޖިސްޓްރޭޓް ކޯޓުގައި ހެކިބަސްދެމުން ބުނެފައިވަނީ އޭނާ ޢަބްދުﷲ ޤާސިމް އަށް ފޯނުން ގުޅުމަށްފަހު ބައުޒަރު ކައުންސިލުގެ އިދާރާގެ ގޯތި ތެރޭގައި ބޭއްވުމަށް ބުނުމުން ބޭއްވީ ކަމަށާއި، އޭނާ ޢަބްދުﷲ ޤާސިމްއަށް ފޯނުކުރިއިރު އެތަނުގައި ޝަރީއަތުގެ ހެކިބަސްދީފައިވާ މުޙައްމަދު އިރުޝާދު އާއި ޙަސަން ޒަހީރު އާއި މި ދެ މީހުން އޭނާގެ ގާތުގައި ޖެހިގެން ތިބި ކަމަށެވެ.
(ނ)ޝަރީއަތުގައި ހެކިބަސް ދެމުން މުޙައްމަދު އިރުޝާދު ބުނެފައިވަނީ ބައުޒަރު ޢަބްދުﷲ ޤާސިމާއި ހަވާލުކުރުމާ ގުޅޭގޮތުން ޢަބްދުއްޝުކޫރު ފޯނުން ގުޅައި ވާހަކަ ދެއްކިކަން އެނގޭ ކަމަށާއި، ނަމަވެސް އެ ދެފަރާތުގެ ދެމެދުގައި ދެކެވުނު ހުރިހާ ވާހަކައެއް ނޭނގޭ ކަމަށާއި، ޢަބްދުއްޝުކޫރު، ޢަބްދުﷲ ޤާސިމާއި ވާހަކަ ދެއްކިކަން އެނގުނީ ޢަބްދުއްޝުކޫރު ބުނުމުން ކަމަށާއި، ފޯނުން ދެއްކި އެއްވެސް ވާހަކައެއް އަޑުއިވިފައިނުވާ ކަމަށާއި، އެވަގުތު އެތަނުގައި ބައުޒަރު ދުއްވި ޑްރައިވަރު ހަސަން ޒަހީރު ހުރި ކަމަށެވެ.
(ރ)ޝަރީއަތުގައި ހެކިބަސްދެމުން ހަސަން ޒަހީރު ބުނެފައިވަނީ ޑްރައިވަރެއް ނެތިގެން ބުނުމުން ތެޔޮ އުފުލަން ދިޔަ ކަމަށާއި، ބައުޒަރުގެ ތަނަކުން ތެޔޮ ލީކުވާ ވާހަކަ ޢަބްދުއްޝަކޫރަށް ފޯނުން ގުޅާފައި ބުނުމުން ތެޔޮ ހުސްކޮށްފަ އޭނާގާތު އަންނާށޭ ބުނިކަމަށާއި، ޢަބްދުﷲ ޤާސިމްއަށް ގުޅާފަ ދެން ހަދަންވީ ގޮތެއް ބުނާނަމޭ ބުނުމަށްފަހު، ޢަބްދުއްޝަކޫރު އޭނާ ގާތުގައި ޢަބްދުﷲ ޤާސިމަށް ގުޅީމަ ބައުޒަރު ވައްދާށޭ ބުނި ކަމަށާއި، ނަމަވެސް ޢަބްދުއްޝަކޫރު ދެއްކި ވާހަކައެއް ނޭނގޭ ކަމަށާއި، ޢަބްދުއްޝަކޫރު ފޯނުން ޢަބްދުﷲ ޤާސިމަށް ގުޅިކަންވެސް ބުނެދޭން ނޭނގޭ ކަމަށް ބުނެ ހެކިބަސް ދީފައިވެއެވެ.
(ބ)ހެކިބަސްދިން މުހައްމަދު އިރުޝާދުގެ ގެ ހެކި ބަހުގައި ބުނެފައިވަނީ، ކުއްޔަށް ހިފުމަށް ޢަބްދުއްޝަކޫރު މަސައްކަތްކުރިކަން އެނގޭކަމަށެވެ.
(ޅ)ހެކިބަސް ދިން މުޙައްމަދު ޙަލީމް ބުނެފައިވަނީ އެ ދުވަސްވަރު ޢަބްދުއްޝުކޫރު ބުނެގެން ޢަބްދުﷲ ޤާސިމްގެ ތެޔޮ ބައުޒަރެއް ޢަބްދުﷲ ޤާސިމުގެ ގުދަނެއްގައި އޮއްވާ ބަލައި ދިޔަކަމަށާއި އެތަނަށްގޮސް އެ ވެހިކަލްގެ ކެލެޖުގެ މައްސަލައެއް އުޅޭތީ އެ ވާހަކަ ބުނުމުން އެކަން ރަނގަޅު ކޮށްގެން ހިފައިގެން އައުމަށް ބުނި ކަމަށާއި އަދި އެ ވެހިކަލަކީ އެ ކުންފުންޏަށް ކުއްޔަށް ނަގާފައިވާ އެއްޗެއް ކަމަށް ޢަބްދުއްޝަކޫރު ބުނި ކަމަށާއި، އެ ވެހިކަލް ގެނައި ދުވަހު އެ ބައުޒަރުން ތެޔޮ އުފުލި ކަމަށާއި އޭގައިވާ ހޮޅިގަނޑެއް ފަޅައިގެން މައްސަލައެއް ދިމާވީ އެ ވެހިކަލް ގެނެސްގެން ދުއްވަން ފެށިތާ 3 ވަނަ އަށްވީ ދުވަހު ކަމަށާއި، އޭގެ ފަހުން އެކަން ހިނގައި ދިޔަގޮތް އޭނާއަށް ނޭނގޭ ކަމަށާއި އެ ތެޔޮ ބައުޒަރު ކުއްޔަށް ނެގުމަށްޓަކައި ޢަބްދުއްޝުކޫރުއާއި ޢަބްދުﷲ ޤާސިމްއާއި ދެމެދުގައި އެއްބަސްވުމެއްގައި ސޮއިކުރެވުނު ކަމަށާއި އެއިރު އެތަނުގައި މުހައްމަދު އަދުހަމު ހުރި ކަމަށެވެ.
(ކ)ލ. ގަން ތުނޑި، ހުދުވިލާގެ، އާދަމް ހަލީމް 24 ޑިސެމްބަރު 2015 ގައި ލ. ގަމު މެޖިސްޓްރޭޓް ކޯޓަށް ދީފައިވާ ހެކިބަހުގައި ބުނެފައިވަނީ އޭނާއަކީ އޭރު ސައުތު ސެންޓްރަލް ޔުޓިލިޓީޒްގެ އެޗްއާރު އޮފިސަރަކަށް އުޅުނު މުވައްޒަފެއް ކަމަށާއި، އޭރު އެތަނުގައި ލިޔެކިޔުމުގެ ކަންތަކުގައި އެންމެ އިސްކޮށް އުޅެނީ އޭނާ ކަމަށާއި، ޢަބްދުﷲ ޤާސިމްގެ ބައުޒަރު ކުއްޔަށް ނަގަން އެވަގުތު ކުންފުންޏަށް ފެނިގެން ކުންފުނީގެ މާލޭ އޮފީހުން އެޕްރޫވަލް ހޯދަންވެގެން ސިޓީ ފޮނުވި ކަމަށާއި، އެ ސިޓީގެ ޖަވާބުގައި އައީ އެގްރިމަންޓު ކޮށްގެން ބައުޒަރު ކުއްޔަށް ނަގަން ކަމަށާއި، އެވަގުތު ތަނާ ހަވާލުވެހުރި ފަރާތުން އެގްރީމަންޓު ތައްޔާރުކޮށްގެން ގެންނަން އޭނާ ގާތު ބުނި ކަމަށާއި، އޭނާ އެ އެގްރީމަންޓު ތައްޔާރުކޮށްގެން ގުޅުމުން ޢަބްދުއްޝުކޫރު މިއިނީ ސައި ހޮޓަލެއްގައޭ ، މިއިނީ ޢަބްދުﷲ ޤާސިމް އާ އެކުގައޭ ބުނެފައިވާ ކަމަށާއި، އޭރު އެތަނުގައި ހަނދާން ވާގޮތުން، މުޙައްމަދު ޙަލީމުވެސް ހުރިކަމަށާއި، އެވަގުތު އޮފީސް ހިންގުމާ ހަވާލުހުރި ޢަބްދުއްޝުކޫރުއާއި ޢަބްދުﷲ ޤާސިމްއާ ދެބޭފުޅުން ބަލާފަ ޗެކްކޮށްފައި ސޮއިކޮށްފައި އޭނާ ކައިރީގައި އެވަގުތު ޢަބްދުއްޝުކޫރު އޭތި ކޮންފާރމް ކޮށްލަން މާލެއަށް ފޮނުވުމަށް ބުނެފައިވާ ކަމަށެވެ. ދެން އެޗްއާރް އީމެއިލް އިން އެ އެގްރީމަންޓު މާލޭ އޮފީހަށް އޭނާ ފޮނުވީ ކަމަށާއި، ފަހުން އެ ޑްރާފްޓަށް ވީގޮތެއް އޭނާއަށް ނޭނގޭ ކަމަށެވެ. އަދި އޭގެ ޖަވާބެއް އައިކަމެއްވެސް ނޭނގޭ ކަމަށެވެ. އަދި އިތުރަށް އާދަމް ހަލީމް ބުނެފައިވަނީ އޭނާއަށް ހީވަނީ އެގްރީމަންޓު މާލޭ އޮފީހުން އެޕްރޫވް ވެގެން އަންނަންދެން ދުވާލަކަށް 1,000.00 (އެއްހާސް) ރުފިޔާ މަގުން ބައުޒަރު ކުއްޔަށް ހިފީ ކަމަށެވެ. އާދަމް ހަލީމް އިތުރަށް ބުނެފައިވަނީ އެއްބަސްވުމުގައި ހުރި އެއްޗެއް މާ ރަނގަޅަކަށް ހަނދާން ނެތް ކަމަށެވެ. އަދި ހަނދާން ވަނީ އެ އެގްރީމަންޓުގައި ލިޔެފައިވަނީ އެ ބައުޒަރު ކުއްޔަށް ހިފަން ލިޔެފައިވަނީ މަހަކު 5,000.00 (ފަސްހާސް) ރުފިޔާއަށް ނުވަތަ 8,000.00 (އަށްހާސް) ރުފިޔާއަށް ކަމަށެވެ.
(އ)ދަށު ކޯޓުގައި ހެކިބަސް އަދާކުރި ލައިނޫފަރުމާގެ އަޙްމަދު ޢާރިފް ބުނެފައިވަނީ އޭނާ އެ ދުވަސްވަރު އެ ކުންފުނީގައި މަސައްކަތްކުރަން އުޅުނު ކަމަށާއި، އެ ބައުޒަރު ގެނައިކަން އެނގޭ ކަމަށާއި ނަމަވެސް އޭތި ގެނައީ ކުއްޔަށް ހިފައިގެންކަމެއް ނޭނގޭ ކަމަށާއި، އެ ބައުޒަރު ގެނައި ދުވަސް ފަހުން އެ ބައުޒަރު ދުއްވިކަން ނޭނގޭ ކަމަށެވެ. އަދި ބައުޒަރު ޢަބްދުﷲ ޤާސިމް ގެ ގުދަނުން އެދުވަހު ނެރުމުގައި ހަރަކާތްތެރިވި ކަމަށެވެ. އަދި ބައުޒަރު ގެނައިތާ ގިނަ ދުވަސްތަކެއް ނުވަނީސް ބައުޒަރު ހަލާކުވެފައިވާކަން އަޙްމަދު ޢާރިފްގެ ހެކިބަހުން އެނގެއެވެ.
(ވ)ދަށު ކޯޓުގައި ހެކިބަސް އަދާކުރި ލ. ގަން ކަނޮޅި ޢަބްދުއްރައޫފް މުޙައްމަދު ބުނެފައިވަނީ އޭނާ އެ ދުވަސްވަރު އެ ކުންފުނީގައި މަސައްކަތްކުރަން އުޅުނު ކަމަށާއި، ބައުޒަރު ޢަބްދުﷲ ޤާސިމް ގެ ގުދަނުން އެދުވަހު ނެރުމުގައި ހަރަކާތްތެރިވި ކަމަށާއި، އެ ބައުޒަރުން އެއްވެސް ވަރަކަށް ތެޔޮ އުފުލިކަން އެނގިފައިނުވާ ކަމަށެވެ.
މަތީގައި ބަޔާންކުރެވުނު ހެކިންގެ ހެކިބަސްތަކުގައި ޢަބްދުﷲ ޤާސިމް އާއި ފެނަކަ އޮފީސް ހިންގުމާ ހަވާލުވެހުރި ޢަބްދުއްޝުކޫރު ޢަބްދުއްރަޙްމާންއާ ދެމެދު ބައުޒަރު ކުއްޔަށް ހިފުމާބެހޭ ގޮތުން ކޮންމެވެސް އެއްބަސްވުމެއްގައި ސޮއިކުރިކަމަށާއި އެ ސޮއިކުރެވުނު އެއްބަސްވުމަށް މާލޭ އޮފީހުން ރުހުން ހޯދަން ފޮނުވިކަމަށް ބުނެފައިވެއެވެ. ނަމަވެސް ޢަބްދުﷲ ޤާސިމް ކުރި ދައުވާގައި އަދި އިސްތިއުނާފަށް ހުށަހެޅުނު ނުކުތާގައި ސޮއިކުރިކަމަށްހެކިން ބުނާ އެއްބަސްވުމުގެ ވާހަކައެއް ބުނެފައި ނެތެވެ. އަދި އެ އެއްބަސްވުން ސާބިތުކުރުމަށް އެއްވެސް މަސައްކަތެއް ކޮށްފައި ނުވެއެވެ. ޢަބްދުﷲ ޤާސިމް ޝަރީއަތުގައި ބުނަމުން އައިސްފައިވަނީ އޭނާގެ ތެޔޮ ބައުޒަރު ފެނަކައިން ދުވަހު ކުއްޔަށް ހިފިކަމަށާއި، ކޮންޓްރެކްޓާބެހޭ ގާނޫނު ބުނާގޮތުން ކޮންޓްރެކްޓަކީ ވަކި މިވެނި ގޮތަކަށް އޮންނަން ޖެހޭ އެއްޗެއް ނޫން ކަމަށާއި، ދެފަރާތުގެ ދެމެދުގައި ކަން ހިނގާފައިވާ ގޮތުން ޢަބްދުﷲ ޤާސިމްއާއި ފެނަކައާ ދެމެދު ބައުޒަރު ކުއްޔަށް ދިނުމަށް އެއްބަސްވުމެއް ވެވުނީކަމަށް ބެލެވޭނެ ކަންކަން ހުރިކަން ހެކިންގެ ހެކިބަހުން އެނގޭ ކަމަށެވެ. ފެނަކަ އޮފީސް ހިންގުމާ ހަވާލުވެހުރި ޢަބްދުއްޝުކޫރު ޢަބްދުއްރަޙްމާން ދަށުކޯޓުގައި ހެކިބަސް ދެމުން ބުނެފައިވަނީ ދުވަހު ކުއްޔަށް ދަތުރަކަށް 1,000.00 ރުފިޔާ މަގުން ދުވަހު ކުއްޔަށް ދަތުރުކޮށްފައިވާ ކަމަށެވެ.
ދުވަހު ކުއްޔަށް މުދަލެއް ގެންދިއުމަށް ނުވަތަ ދުވަހު ކުއްޔަށް ތަނެއް ކުއްޔަށް ހިފުމަށް ކުރެވޭ މުއާމަލާތުގެ ތަބީއަތަކީ، ކުއްޔަށް ގެންދާ މުދާ ނުވަތަ ކުއްޔަށް ހިފާތަނެއް އެއްވެސް ދުވަހެއްގައި ބޭނުންކޮށްފި ނަމަ، ވެރިފަރާތަށް ކުއްޔެއް ދޭން ލާޒިމުވުމެވެ. މި މައްސަލައިގައި ކަން ހިނގާފައިވާ ގޮތަށް ބަލާއިރު، ހެކިންގެ ހެކިބަހުން އެނގެނީ އެ ބައުޒަރު ފެނަކައިން ދުވަހު ކުއްޔަށް ނަގައިގެން ދުއްވަން އުޅުނުކަމާއި ނަމަވެސް އެ ބައުޒަރުން ތެޔޮ ލީކުވާތީވެ، އެ ބައުޒަރު ބޭނުން ކުރެވޭ ހާލަތުގައި ނެތުމުން، އެ ބައުޒަރު ފެނަކައިން ބޭނުން ނުކުރާ ކަމެވެ. އަދި އެ ބައުޒަރުން ތެޔޮ ލީކުވާތީ އާއި ބޭނުންކުރެވޭ ހާލަތުގައި އެ ބައުޒަރު ނެތުމުން އެކަން ޢަބްދުﷲ ޤާސިމްއަށް އަންގައި އެ ބައުޒަރު އޭނާއާ ހަވާލުކުރަން ފެނަކައިން މަސައްކަތް ކުރިކަން ހެކިންގެ ހެކިބަހުން ސާބިތުވެއެވެ. އެހެން ކަމުން ފެނަކައިން އެ ބައުޒަރު ބޭނުން ކުރިކަމަށް ސާބިތުވާ ދުވަސްތަކަށް މެނުވީ ފެނަކައިން ޢަބްދުﷲ ޤާސިމްއަށް އެއްވެސް ކުއްޔެއް ދޭން ނުޖެހޭނެއެވެ. ވީމާ މި މައްސަލައިގައި ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައިވާ ނިންމުމަށް ބަދަލެއް ގެންނާނެ ތަނެއް އޮތްކަމަށް ނުފެނެއެވެ.
ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންގެ ރައުޔުމި މައްސަލައިގައި ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްގެ ރައުޔު
މި މައްސަލައިގައި ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ޙުކުމް
ދެންފަހެ، އިސްވެ ބަޔާންކުރެވުނު ކަންކަން އެ ގޮތުގެމަތިން ހުރުމުން، ދިވެހިރާއްޖޭގެ ހައިކޯޓުން ބެލި އެ ކޯޓުގެ ނަންބަރު 2016/HC-A/334 ގަޒިއްޔާގައި ހައިކޯޓުން ހުކުމް ކުރައްވާފައިވަނީ ގާނޫނާ އެއްގޮތަށް ކަމަށް މި މައްސަލަ ބެލި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އިއްތިފާގުން ކަނޑައަޅައިފީމެވެ.
މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ:
ޢަލީ ރަޝީދު ޙުސައިންޙުސްނުއްސުޢޫދުމުޙައްމަދު އިބްރާހީމް(ރިޔާސަތު)
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.