ދިވެހިރާއްޖޭގެ މަތީ މަރުޙަލާގެ ކޯޓުތަކުން ކަނޑައަޅާފައިވާ ޤާނޫނީ އުޞޫލުތައް

Maldives Legal Precedents

Saeed Lex
[2021] SC 78 · 2019/SC-A/95ސުޕްރީމް ކޯޓު · 25 އޮގަސްޓް 2021

ޢަބްދުލްކަރީމް ޢަބްދުﷲ ވ. ވީ.އޭ ޕްރައިވެޓް ލިމިޓެޑް

ސުޕްރީމް ކޯޓު
ފަހުގެ ޙުކުމެއްގައި ޙަވާލާދީފައެއް ނުފެނޭޙުކުމުގެ ހާލަތު
ސުޕްރީމް ކޯޓު · 25 އޮގަސްޓް 2021ބާވަތް: މަދަނީ

ޚުލާޞާ

ޚުލާޞާ ނެތް.

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
—
ފަހުގެ ތާރީޚު
—

ނިންމުން

—

ކޯ ޓާމްސް

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

މި ލިޔުމުން އުޞޫލެއް ނުނެގުނު.

ފަނޑިޔާރުން

ބެންޗު
—
ޚިލާފު ރައުޔު
ނެތް

ޝަރީޢަތުގެ ވީޑިއޯ

ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު

2019/SC-A/95

ޝަރީޢަތް ނިމުނުގޮތް

ޢަބްދުލްކަރީމް ޢަބްދުﷲ ވ. ވީ.އޭ ޕްރައިވެޓް ލިމިޓެޑް

ފަނޑިޔާރުންގެ މަޖިލިސް

ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންނިމުނު ތާރީޚު

25 އޮގަސްޓު 2021

އިސްތިއުނާފު ކުރެވުނު ޤަޟިއްޔާ

2016/HC-A/582

އިސްތިއުނާފު ރައްދުވާ ފަރާތް

އިސްތިއުނާފުކުރާ ފަރާތް

ވީ.އޭ ޕްރައިވެޓް ލިމިޓެޑް

ބަދަލުގައި: އަޙްމަދު ޙަމްޒާ

ބަދަލުގައި: ޢަބްދުﷲ ޞަފްވާން

ޤާނޫނީ ވަކީލު: ޢަބްދުﷲ ސިޔާޒް

މަދަނީ - ކޮންޓްރެކްޓް ބާޠިލްކުރުން – އެއްބަސްވުމާ އެއްގޮތަށް ޢަމަލުކުރާކަން ކަށަވަރުކުރުން - އަފަރމޭޝަން

ޢަބްދުލްކަރީމް ޢަބްދުﷲ ވ. ވީ.އޭ ޕްރައިވެޓް ލިމިޓެޑް

ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމް (ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު އަދި ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިން ތާއީދު ކުރައްވާފައި)

ތަޢާރުފު

މިއީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HC-A/582 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށްޓަކައި މ. ސޯމާ، މާލެ، ޢަބްދުލްކަރީމް ޢަބްދުﷲ (މީގެ ފަހުން "ޢަބްދުލްކަރީމް ޢަބްދުﷲ" މިހެން އިޝާރާތްކޮށްފައިވާ) ގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅުމުން މި ކޯޓުގެ ނަންބަރު 2019/SC-A/95 ޤަޟިއްޔާއިން ބެލި އިސްތިއުނާފީ މައްސަލައެކެވެ. މި ޤަޟިއްޔާގައި އިސްތިއުނާފު ރައްދުވަނީ ވީ.އޭ ޕްރައިވެޓް ލިމިޓެޑް (ކުންފުނި ރަޖިސްޓްރީ ނަންބަރު C-125/2002) (މީގެ ފަހުން "ވީއޭ ޕްރައިވެޓް ލިމިޓެޑް" މިހެން އިޝާރާތްކޮށްފައިވާ) ގެ މައްޗަށެވެ.

ޢަބްދުލްކަރީމް ޢަބްދުﷲގެ ނަމުގައިވާ މާފަންނު، ސޯމާ ޓްރޭޑް އެވެކިޔާ ފިހާރަ ބިމު (ރަޖިސްޓްރީ ނަންބަރު އބ/-192) ގައި ހަދާފައިވާ އިމާރާތް ("ސޯމާ ޓްރޭޑް") ކުއްޔަށް ދިނުމާ ގުޅޭގޮތުން ވީއޭ ޕްރައިވެޓް ލިމިޓެޑާއެކު ވެފައިވާ އެއްބަސްވުމުގައިވާ ގޮތުގެމަތިން، ކުލި ނުދައްކާކަމަށް ބުނެ ޢަބްދުލްކަރީމް ޢަބްދުﷲގެ ފަރާތުން ސިވިލް ކޯޓުގައި ކުލި ހޯދުމާއި ތަން ހުސްކުރުމުގެ ދަޢުވާ އުފުލުމުން އެ މައްސަލަ ސިވިލް ކޯޓުން ނިންމާފައިވަނީ ޢަބްދުލްކަރީމް ޢަބްދުﷲއާ ދެކޮޅަށެވެ. ސިވިލް ކޯޓުގެ ނިންމުމާ ވިދިގެން އެ މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓަށް ޢަބްދުލްކަރީމް ޢަބްދުﷲ އިސްތިއުނާފު ކުރުމުން އެ މައްސަލަ ހައިކޯޓުން ނިންމާފައިވަނީ ސިވިލް ކޯޓުގެ ހުކުމަށް ތާއީދުކޮށެވެ. މިއީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނިންމުން ޢަބްދުލްކަރީމް ޢަބްދުﷲގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް އިސްތިއުނާފު ކުރުމުން ބެލުނު މައްސަލައިގެ ނިޔާއެވެ.

މައްސަލައިގައި ކަންހިނގާފައިވާ ގޮތް

ސޯމާ ޓްރޭޑް ކުއްޔަށް ދިނުމުގެ އެއްބަސްވުމެއްގައި ޢަބްދުލްކަރީމް ޢަބްދުﷲ އާއި ވީއޭ ޕްރައިވެޓް ލިމިޓެޑް އާ ދެމެދު 2008 ވަނަ އަހަރުގެ މޭ މަހުގެ 01 ވަނަ ދުވަހުގައި ސޮއިކޮށް ("10 މޭ 2008 ގެ އެއްބަސްވުން") އޭގެ ފަހުން 2009 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 01 ވަނަ ދުވަހުގައި، މި އެއްބަސްވުމަށް އިސްލާޙު ތަކަކާއެކު އިތުރު އެއްބަސްވުމެއް ("10 ޑިސެންބަރު 2009 ގެ އެއްބަސްވުން") ގައި ސޮއިކޮށް ސޯމާ ޓްރޭޑް 2033 ވަނަ އަހަރުގެ މޭ މަހުގެ 01 ވަނަ ދުވަހާ ހަމައަށް ވަނީ ކުއްޔަށް ދީފައެވެ.

އެއްބަސްވުމާ އެއްގޮތަށް ކުލީގެ ފައިސާ ނުދައްކާ ކަމަށާއި، ސަރުކާރަށް ދައްކަންޖެހޭ ޓެކްސް ވީއޭ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ނުދައްކާ ކަމަށް ބުނެ ޢަބްދުލްކަރީމް ޢަބްދުﷲގެ ފަރާތުން ވީއޭ ޕްރައިވެޓް ލިމިޓެޑަށް 2013 ވަނަ އަހަރުގެ މޭ މަހުގެ 08 ވަނަ ދުވަހު ސިޓީއެއް ފޮނުވާފައި ވެއެވެ.

މީގެ އިތުރުން 2015 ވަނަ އަހަރުގެ އޮގަސްޓު މަހާއި ސެޕްޓެންބަރު މަހުގެ ކުލި ދައްކާފައި ނުވާތީ، އެއްބަސްވުން ބާޠިލުވެފައިވާ ކަމަށް ބުނެ 2015 ވަނަ އަހަރުގެ ސެޕްޓެންބަރު މަހުގެ 30 ވަނަ ދުވަހުގެ ކުރިން ތަން ހުސްކޮށް ތަނުގައި ކުރަންޖެހޭ މަރާމާތުތަކާއި، އެއްބަސްވުމުގައިވާ އެންމެހައި ފީތަކެއް ދައްކަންޖެހޭ ފަރާތްތަކަށް ދެއްކުމަށްފަހު އެތަން ހަވާލު ކުރުމަށާއި، މި މުއްދަތަށްފަހު ތަން ބޭނުންކުރާނަމަ، ބޭނުންކުރާ ކޮންމެ ދުވަހަކަށް 2,500/-ރ. (ދެހާސް ފަސްސަތޭކަ ރުފިޔާ( ދުވާލަކު ކުލީގެ ގޮތުގައި ދައްކަންޖެހޭނެ ކަމަށް ބުނެ 2015 ވަނަ އަހަރުގެ ސެޕްޓެންބަރު މަހުގެ 12 ވަނަ ދުވަހު ޢަބްދުލްކަރީމް ޢަބްދުﷲގެ ފަރާތުން ނިޒާރު އަޙުމަދު ސޮއިކޮށް ވީއޭ ޕްރައިވެޓް ލިމިޓެޑަށް ސިޓީއެއް ފޮނުވާފައި ވެއެވެ.

ގަވާއިދުން ކުލި ނުދައްކާތީވެ އެއްބަސްވުން ބާޠިލް ވެއްޖެކަމަށް ބުނެ ވީއޭ ޕްރައިވެޓް ލިމިޓެޑަށް 2016 ވަނަ އަހަރުގެ ފެބުރުވަރީ މަހުގެ 07 ވަނަ ދުވަހުގައި ޢަބްދުލްކަރީމް ޢަބްދުﷲގެ ފަރާތުން ސިޓީއެއް ފޮނުވިއެވެ. މި ސިޓީގައި 2016 ވަނަ އަހަރުގެ ފެބުރުވަރީ މަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް ތަން ހުސްކުރުމަށް އަންގާފައި ވެއެވެ. އަދި ސޯމާ ޓްރޭޑުގައި ކުރަންޖެހޭ މަރާމާތާއި ސަރުކާރުގެ އިދާރާތަކަށް ދައްކަންޖެހޭ އެންމެހައި ފައިސާ ދެއްކުމަށްފަހު އެޑްވާންސްގެ ގޮތުގައި ދީފައިވާ ފައިސާއިން އެހާތަނަށް ކުލިން އުނިކުރަމުންގޮސް ނުނިމިވާ ފައިސާގެ އަދަދެއް ހުރިނަމަ ތަން ހަވާލުކުރާ ވަގުތު ރައްދުކޮށްދޭނެ ކަމަށާއި، އެއްވެސް ސަބަބަކާހުރެ އެ މުއްދަތަށްފަހު ތަން ބޭނުންކުރާނަމަ ކޮންމެ މަހަކު 05 (ފަހެއް) ވަނަ ދުވަހުގެ ކުރިން 75,000/-ރ. (ހަތްދިހަ ފަސްހާސް ރުފިޔާ) ކުލީގެ ގޮތުގައި ވީއޭ ޕްރައިވެޓް ލިމިޓެޑުން ދައްކަންޖެހޭނެ ކަމަށް ވަނީ ބަޔާންކޮށްފައެވެ.

ބަޔާންވެދިޔަ ގޮތަށް ވީއޭ ޕްރައިވެޓް ލިމިޓެޑުން ޢަމަލުކޮށްފައި ނުވާތީވެ ޢަބްދުލްކަރީމް ޢަބްދުﷲގެ ފަރާތުން ތަން ހުސްކުރުމާއެކު ކުލީގެ ފައިސާ ހޯދުމަށް ސިވިލް ކޯޓުގައި ދަޢުވާކުރިއެވެ.

ސިވިލް ކޯޓުން މައްސަލަ ނިންމި ގޮތް

ޢަބްދުލްކަރީމް ޢަބްދުﷲ ސިވިލް ކޯޓަށް ހުށަހެޅި މައްސަލައަކީ ވީއޭ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން، އެއްބަސްވުމާއި އެއްގޮތަށް ޢަމަލުކުރަމުން ނުދާތީ، އެއްބަސްވުން ބާޠިލުވެފައިވާ ކަމަށް ކަނޑައަޅައި ދިނުމަށާއި، ސޯމާ ޓްރޭޑް ހުސްކޮށް ޢަބްދުލްކަރީމް ޢަބްދުﷲ އާއި ޙަވާލުކުރުމަށް ވީއޭ ޕްރައިވެޓް ލިމިޓެޑަށް އަންގައި ދިނުމަށާއި، ތަން ބޭނުންކޮށްފައިވާ މުއްދަތަށް ކުލި ހޯދުމަށް ދަޢުވާކުރި މައްސަލައެކެވެ. މި މައްސަލަ އެ ކޯޓުން ބަލައި ޙުކުމް ކޮށްފައިވަނީ އެ ކޯޓުގެ ނަންބަރު1207/Cv-C/2016 ޤަޟިއްޔާ އިންނެވެ.

ޢަބްދުލްކަރީމް ޢަބްދުﷲ ސިވިލް ކޯޓުގައި އުފުލި ދަޢުވާ ބިނާކޮށްފައިވާ އަސާސަކީ އެއްބަސްވުމުގައިވާ ގޮތުގެމަތިން މަހުން މަހަށް ދައްކަންޖެހޭ ކުލި ކޮންމެ މަހެއްގެ 05 (ފަހެއް) ވަނަ ދުވަހުގެ ކުރިން ދައްކަންޖެހޭ ހިނދު މިގޮތަށް ވީއޭ ޕްރައިވެޓް ލިމިޓެޑުން ޢަމަލުކޮށްފައި ނުވާތީވެ އެއްބަސްވުން ބާތިލުވެފައިވާ ކަމަށް ކަނޑައަޅައި ދިނުމަށާއި 2015 ވަނަ އަހަރުގެ ސެޕްޓެންބަރު މަހުގެ 12 ވަނަ ދުވަހު ތަން ހުސްކުރުމަށް ފޮނުވާފައިވާ ނޯޓިސްގައިވާ ފަދައިން އެ މަހުގެ ނިޔަލަށް ތަން ހުސްކޮށްފައި ނުވާތީވެ، އެ މުއްދަތަށްފަހު ތަން ބޭނުންކުރި ކުރުމަށް ވީއޭ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ދައްކަންޖެހި ނުދައްކާވާ ފައިސާ އަކީ ދައްކަންޖެހޭ ފައިސާ ކަމަށް ކަނޑައަޅައި ދިނުމަށާއި، 2016 ވަނަ އަހަރުގެ މާރިޗު މަހުން ފެށިގެން ވީއޭ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ތަން ބޭނުންކުރަމުންދާ މުއްދަތުގައި ކުލީގެ ގޮތުގައި ދެއްކުމަށް 2016 ވަނަ އަހަރުގެ ފެބުރުވަރީ މަހުގެ 07 ވަނަ ދުވަހުގައި ޢަބްދުލްކަރީމް ޢަބްދުﷲ ފޮނުވާފައިވާ ސިޓީގައިވާ ފަދައިން ވީއޭ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ދައްކަންޖެހޭ ކަމަށް ކަނޑައަޅައި ދިނުމަށާއި، މި ދަޢުވާއިން ސާބިތުވާ ފައިސާއިން ވީއޭ ޕްރައިވެޓް ލިމިޓެޑުން ދައްކާފައިވާ އެޑްވާންސް ފައިސާ އުނިކުރުމުން ބާކީ ފައިސާއެއް ވާނަމަ، އެ މިންވަރެއް ޝަރީޢަތް މެދުވެރިކޮށް ވީއޭ ޕްރައިވެޓް ލިމިޓެޑާ ހަވާލުކުރުމަށެވެ.

ސިވިލް ކޯޓުގެ މި މައްސަލައިގައި ކޮށްފައިވާ ޙުކުމުގައި ބަޔާންކޮށްފައި ވަނީ، 01 ޑިސެންބަރު 2009 ގެ އެއްބަސްވުމުގައި ބަޔާންވެގެންވާ 06 (ހައެއް) މާއްދާއަކީ 01 މޭ 2008 ގެ އެއްބަސްވުމަށް އިތުރުކޮށްފައިވާ 06 (ހައެއް) މާއްދާ ކަމަށާއި، 01 މޭ 2008 ގެ އެއްބަސްވުމާއި، ފަހުން ވި 01 ޑިސެންބަރު 2009 ގެ އެއްބަސްވުމުގައި ހިމެނޭ 06 މާއްދާގައި ތަޢާރުޟުނުވާ ގޮތަށް ހުރި އެހެން ހުރިހާ މާއްދާތަކަކީ، އެ މާއްދާތަކާއި އެއްގޮތަށް ޢަމަލުކުރެވޭނެ މާއްދާތަކެއް ކަމަށް ޤަބޫލުކޮށް ދެ ފަރާތުން ސޮއިކޮށްފައި ވުމުންނާއި، އަދި 01 މޭ 2008 ގެ އެއްބަސްވުމުގެ 50 ވަނަ މާއްދާއަކީ 01 ޑިސެންބަރު 2009 ގެ އެއްބަސްވުމުގައި ހިމެނޭ 06 މާއްދާއާއި ތަޢާރުޟުވާ ބާޠިލު މާއްދާއެއް ކަމަށް ވުމާއި، ބުނެވިދިޔަ އެއްބަސްވުމަކީ "العقد شريعة المتعا قدين" ގެ ޝަރުޢީ މި އުޞޫލުން ދެފަރާތުގެ ދެމެދުގައި އުފެދޭ ދެބަސްވުންތަކާއި އަރާރުންތައް ޙައްލުކުރުމަށް ދެފަރާތަށް ރުޖޫޢަވުން ލާޒިމުވާ މުސްތަނަދަކަށް ވުމުން ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުން ބާޠިލުކުރާނެ ތަނެއް ނެތްކަމަށް ކަނޑައަޅައި ދެފަރާތުންވެސް އެއްބަސްވުމަށް އިޙްތިރާމްކޮށް އެއްބަސްވުމާއި އެއްގޮތަށް ދެފަރާތުން އަދާކުރަންޖެހޭ އެންމެހައި އިލްތިޒާމުތައް އަދާކުރަމުން ގެންދިއުމަށް އަންގައެވެ.

ދިވެހިރާއްޖޭގެ ހައިކޯޓުން މައްސަލަ ނިންމިގޮތް

ޢަބްދުލްކަރީމް ޢަބްދުﷲގެ ފަރާތުން ސިވިލް ކޯޓުގެ ނަންބަރު 1207/Cv-C/2016ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން އެ މައްސަލަ ބަލާފައިވަނީ އެ ކޯޓުގެ ނަންބަރު 2016/HC-A/582 ޤަޟިއްޔާ އިންނެވެ. ދިވެހިރާއްޖޭގެ ހައިކޯޓަށް ޢަބްދުލްކަރީމް ޢަބްދުﷲގެ ފަރާތުން މި މައްސަލަ އިސްތިއުނާފު ކުރުމަށް 20 (ދޭއް) ނުކުތާއެއް ހުށަހެޅިއެވެ.

(ހ) ފުރަތަމަ ނުކުތާއަކީ އެއްބަސްވުމުގައި ކުއްޔާއި ގުޅިގެން އެކުލެވިފައިވާ މާއްދާއަކީ އެއްބަސްވުމުގެ ޖައުހަރީ މާއްދާއެއް ކަމަށްވާއިރު، ޖައުހަރީ މާއްދާއަކާއި ޚިލާފުވުމަކީ އެއްބަސްވުން ބާޠިލްކުރުމުގެ އިޚްތިޔާރު މައުސޫމު ފަރާތަށް ލިބިދެވޭ ޙާލަތެއް ކަމަށް ވެފައި، އެ އުޞޫލުގެ މައްޗަށް ސިވިލް ކޯޓުން ރިޢާޔަތްކޮށްފައި ނުވުން ކަމަށް ބުނެ ހުށަހެޅި ނުކުތާ.

(ށ) ދެވަނަ ނުކުތާއަކީ ޢަބްދުލްކަރީމް ޢަބްދުﷲ އާއި ވީއޭ ޕްރައިވެޓް ލިމިޓެޑާ ދެމެދު ވެފައިވާ 01 މޭ 2008 ގެ އެއްބަސްވުމުގެ ފަހަށް 10 ޑިސެންބަރު 2009 ގެ އެއްބަސްވުމުގެ 50 ވަނަ މާއްދާގައި ކަނޑައަޅާފައިވާ އެންމެހާ ކަމެއް އޭގެ ޒާތުން އެއްބަސްވުމުން އުނިކުރެވި ބާޠިލްވެގެންދާނެ ކަމަށް ބުނެ ސިވިލް ކޯޓުން އެއްބަސްވުން މާނަކޮށްފައި ވަނީ 01 މޭ 2008 ގެ އެއްބަސްވުމާއި، އޭގެ ފަހުން ސޮއިކުރެވުނު 01 ޑިސެންބަރު 2009 ގެ އެއްބަސްވުމުގެ ރޫޙާއި މަޤްސަދާއި ޚިލާފަށް ކަމަށް ބުނެ ހުށަހެޅި ނުކުތާ.

ދިވެހިރާއްޖޭގެ ހައިކޯޓުން މި މައްސަލަ ނިންމުމުގައި ސިވިލް ކޯޓުގެ ޙުކުމަށް ތާއީދު ކުރުމުގައި އަންނަނިވި ސަބަބުތައް ފާހަގަކޮށްފައި ވެއެވެ.

ޢަބްދުލްކަރީމް ޢަބްދުﷲ އާއި ވީއޭ ޕްރައިވެޓް ލިމިޓެޑުން 01 ޑިސެންބަރު 2009 ގެ އެއްބަސްވުމުގެ 04 ވަނަ މާއްދާގައި ކުލި ދައްކަންޖެހޭނެ ގޮތް ބަޔާންކޮށްފައި ނެތް ހިނދު، 01 މޭ 2008 ގެ އެއްބަސްވުމުގެ 05 ވަނަ މާއްދާގައި ކުލި ދައްކަންޖެހޭނެ ގޮތާއި، ކުލި ދައްކަންޖެހޭ ފަރާތް ބަޔާންކޮށްފައިވާއިރު، މި ދެންނެވި ދެ މާއްދާއަކީ ތަޢާރުޟުވާ ދެ މާއްދާ ކަމާއި، އެގޮތުން 01 މޭ 2008 ގެ އެއްބަސްވުމާއި 01 ޑިސެންބަރު 2009 ގެ އެއްބަސްވުމުގައި ހިމެނޭ އެއްވެސް މާއްދާއެއްގައި ތަޢާރުޟުވުމެއް ހުރިނަމަ ޢަމަލުކުރަންޖެހޭނީ 01 ޑިސެންބަރު 2009 ގެ އެއްބަސްވުމުގެ 06 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތަށް ކަމުގައެވެ. އެހެންކަމުން ކުލި ދައްކަންޖެހޭ ގޮތާއިމެދު ޢަމަލުކުރެވޭނީ ފަހުންވި 01 ޑިސެންބަރު 2009 ގެ އެއްބަސްވުމުގައިވާ ގޮތުގެމަތިން ކަމާއި، މިގޮތުން ފަހުން އެއްބަސްވެފައިވާ ގޮތަށް ބަލާއިރު ކުލި ދައްކާނެ ގޮތް ބަޔާންކޮށްފައިވާ މާއްދާގައި ކުލި ދައްކާނެ ވަކި މުއްދަތެއް ބަޔާންކޮށްފައި ނެތްކަން އެނގެން އޮންނާތީ، އެއްބަސްވުމުގެ 05 ވަނަ މާއްދާއަށް ކުލި ދެއްކުމާ ގުޅޭގޮތުން ރިޢާޔަތް ކުރެވިދާނެކަމަށް ޤަބޫލުނުކުރެވޭ ކަމަށެވެ.

10 ޑިސެންބަރު 2009 ގެ އެއްބަސްވުމުގައި ކުލި ދައްކާނެ މުއްދަތެއް ބަޔާންކޮށްފައި ނެތުމުން، ކުލި ދައްކާނެ ވަކި މުއްދަތެއް އެއްބަސްވުމުގެ ބައިވެރިން އެއްބަސްވާ ގޮތެއްގެމަތިން ކަނޑައެޅުމަކީ މި އެއްބަސްވުމުގައި ހިމެނޭ ދެފަރާތަށް ލިބިގެންވާ ޙައްޤެއް ކަމަށެވެ.

ދިވެހިރާއްޖޭގެ ހައިކޯޓުން މި މައްސަލަ ނިމުމާ ވިދިގެން ޢަބްދުލްކަރީމް ޢަބްދުﷲގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި މައްސަލަ އިސްތިއުނާފު ކުރިއެވެ.

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ކުރެވުނު އިސްތިއުނާފު

ދިވެހިރާއްޖޭގޭ ހައިކޯޓުގެ ނަންބަރު 2016/HC-A/582 ޤަޟިއްޔާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް އިސްތިއުނާފު ކުރުމަށްޓަކައި ޢަބްދުލްކަރީމް ޢަބްދުﷲ ހުށަހަޅާފައިވާ މައިގަނޑު ކަމަކީ، އެއްބަސްވުމުގައި ވަކިގޮތަކަށް ކުލި ދެއްކުމަށް ބަޔާންކޮށްފައި ވަނިކޮށް މިއާ ޚިލާފަށް އިސްތިއުނާފު ރައްދުވާ ފަރާތުން ޢަމަލުކޮށް ކުލި ނުދެއްކުމާއި ކުލި ލަސްކުރުމާ ގުޅޭގޮތުން ހުށަހެޅުނު ޚުސޫމަތަށް ސިވިލް ކޯޓުން ވެސް އަދި ފަހުން ދިވެހިރާއްޖޭގެ ހައިކޯޓުން ވެސް ގޮތެއް ކަނޑައަޅާފައި ނުވުމެވެ.

އިތުރަށް ތަފްސީލު ދެމުން ޢަބްދުލްކަރީމް ޢަބްދުﷲ ބުނެފައިވަނީ އެއްބަސްވުމުގައި ގަވާއިދުން ކުލި ނުދައްކައިފިނަމަ އެއްބަސްވުން ބާޠިލްކުރުމުގެ އިޚްތިޔާރު އިސްތިއުނާފުކުރާ ފަރާތަށް ލިބިގެންވާކަމާއި، ދެބަސްވުން އުފެދިފައިވަނީ 01 މޭ 2008 އެއްބަސްވުމުގެ 50 ވަނަ މާއްދާގައި ކުލި ދައްކަންޖެހޭ މުއްދަތަކީ ކޮންމެ މަހެއްގެ 05 (ފަހެއް) ވަނަ ދުވަސް ކަމުގައި ވިޔަސް ފަހުންވި 10 ޑިސެންބަރު 2009 ގެ އެއްބަސްވުމުގައި ކުލި ދައްކަންވީ ގޮތެއް ނެތް ކަމަށް ދެކޭކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ކަނޑައަޅާފައި ވާތީވެއެވެ. ނަމަވެސް ފަހުންވި، 01 ޑިސެމްބަރު 2009 ގެ އެއްބަސްވުން އިސްލާޙުކުރެވިފައި ވަނީ ކުލީގެ މިންވަރުކަމާއި، ކުލި ދައްކަންވީ ގޮތަށް ބަދަލެއް އައިސްފައިވާ ކަމަށް ނުދެކޭ ކަމާއި ކޮންމެ މަހެއްގެ ކުލި އެ މަހުގެ 05 (ފަހެއް) ވަނަ ދުވަހުގެ ކުރިން ދައްކަންޖެހޭ ކަމަށް ދެކޭ ކަމަށެވެ.

އިސްތިއުނާފު ރައްދުވާ ފަރާތުން ޖަވާބު ބިނާކުރާ އަސާސަކީ މި މައްސަލައިގައި ދިވެހިރާއްޖޭގެ ހައިކޯޓުން ކޮށްފައިވާ ޙުކުމަށް ބަދަލު ގެންނަންޖެހޭ ފަދަ ޤާނޫނީ ސަބަބެއް ނެތް ކަމުގައެވެ. 10 ޑިސެންބަރު 2009 ގެ އެއްބަސްވުމުގައި ކުލި ދައްކަންވީ ދުވަސް ނުވަތަ މުއްދަތު ބަޔާންކޮށްފައި ނޯންނަކަމާއި، ޢަބްދުލްކަރީމް ޢަބްދުﷲ އަށް ލިބެންޖެހޭ އެންމެހައި ކުލި ދައްކައި ޚަލާސްކުރެވިފައިވާ ކަމުގައެވެ. ނަމަވެސް ފާއިތުވީތާނގައި ބައެއް ފަހަރު ކުލި ދެއްކުން ލަސްވިކަމުގައި ވިޔަސް އެ ފަރާތުން މިހާރުވެސް ކުލި ބަލައިގަންނަމުން ދާކަން ފާހަގަކުރަމެވެ. ތަން ހުސްކުރުމަށް ފޮނުވާފައިވާ ނޯޓިސްގައި މަހަކު 75,000.00ރ. (ހަތްދިހަ ފަސްހާސް ރުފިޔާ) ގެ މަގުން ކުލި ހިނގާނެ ކަމަށް ބުނެފައި ވީނަމަވެސް، އެ ނޯޓިހަށް ފަހުގައިވެސް އެއްބަސްވުމުގައި ކަނޑައަޅާފައިވާ ކުލި ދެއްކުމުން ކުލި ބަލައިގަންނަމުން ގޮސްފައިވާ ކަމާއި އަދި މިހާރުވެސް ކުލި ދައްކަމުން ދާކަމަށެވެ.

އެއްބަސްވުން

ސޯމާ ޓްރޭޑް ކުއްޔަށް ދޫކުރުމާ ގުޅޭގޮތުން ޢަބްދުލްކަރީމް ޢަބްދުﷲ އާއި ވީއޭ ޕްރައިވެޓް ލިމިޓެޑުން ތިރީގައި މިވާ ގޮތަށް އެއްބަސްވެފައިވާކަން 10 މޭ 2008 ގެ އެއްބަސްވުމާއި އަދި އޭގެ ފަހުންވި 01 ޑިސެންބަރު 2009 ގެ އެއްބަސްވުމަށް ބެލުމުން އެނގެއެވެ.

ސޯމާ ޓްރޭޓް ކުއްޔަށް ދިނުމާގުޅޭ ގޮތުން ސޮއިކުރެވުނު ފުރަތަމަ އެއްބަސްވުން (01 މޭ 2008 ގެ އެއްބަސްވުން) ވެފައިވަނީ 2008 ވަނަ އަހަރުގެ މޭ މަހުގެ 01 ވަނަ ދުވަހުއެވެ. މި އެއްބަސްވުމަށް ގެނެވުނު އިސްލާޙުތަކާއެކު ދެވަނަ އެއްބަސްވުން (1 ޑިސެންބަރު 2009 ގެ އެއްބަސްވުން) ގައި ސޮއިކުރީ 2009 ވަނަ އަހަރުގެ މޭ މަހުގެ 01 ވަނަ ދުވަހުގައި އެވެ. 10 ޑިސެންބަރު 2009 ގެ އެއްބަސްވުމުން ގެނެވުނު ބަދަލަކީ އެއްބަސްވުމުގެ މުއްދަތާއި، ކުއްޔާއި އަދި އެޑްވާންސް ފައިސާ އާ ގުޅޭ ކަންކަމެވެ. އިތުރަށް އެއްބަސްވެފައި ވަނީ ރަހުނުކުރުމާ ގުޅޭ މާއްދާއެކެވެ.

އެއްބަސްވުމުގެ މުއްދަތަކީ 2008 ވަނަ އަހަރުގެ މޭ މަހުގެ 01 ވަނަ ދުވަހުން ފެށިގެން 12 (ބާރަ) އަހަރާއި 06 (ހައެއް) މަސްދުވަހުގެ މުއްދަތު ކަމުގައި އެއްބަސްވުމުގައި ބަޔާންކުރެވިފައިވެއެވެ. 10 ޑިސެންބަރު 2009 ގެ އެއްބަސްވުމުގައި މި މުއްދަތަށް އިތުރު 12 (ބާރަ) އަހަރާއި 06 (ހައެއް) މަސްދުވަސް އިތުރުކުރުމުން އެއްބަސްވުމުގެ ޖުމްލަ މުއްދަތަކީ 25 (ފަންސަވީސް) އަހަރެވެ. މި މުއްދަތު ހަމަވަނީ 2033 ވަނަ އަހަރުގެ މޭ މަހުގެ 01 ވަނަ ދުވަހުކަން އެނގެއެވެ.

10 ޑިސެންބަރު 2009 ގެ އެއްބަސްވުމުގައި ބަޔާންކޮށްފައިވަނީ، އެ އެއްބަސްވުމުގައި ބަޔާންކުރާ 06 މާއްދާއަކީ ކުރިން ވެވިފައިވާ 01 މޭ 2008 ގެ އެއްބަސްވުމަށް އިތުރުކޮށްފައިވާ 06 މާއްދާ ކަމަށެވެ. އަދި ހަމަ އެހެންމެ، 10 މޭ 2008 ގެ އެއްބަސްވުމުގައިވާ މާއްދާތަކުގެ ތެރެއިން 10 ޑިސެންބަރު 2009 ގެ އެއްބަސްވުމާ ތަޢާރުޟުނުވާ މާއްދާތަކަށް ޢަމަލުކުރެވޭނެ ކަމަށެވެ.

ކުއްޔަކީ ކޮންމެ މީލާދީ މަހަކު 20,000.00ރ. (ވިހިހާސް ރުފިޔާ) ކަމާއި ނަމަވެސް ދައްކަންޖެހޭ ކުއްޔަކީ އެޑްވާންސްގެ ގޮތުގައި ވީއޭ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ދައްކާފައިވާ ފައިސާއިން 4000.00ރ. (ހަތަރުހާސް ރުފިޔާ) ކުލިން އުނިކުރުމުން 16,000.00ރ. (ސޯޅަހާސް ރުފިޔާ) ކަމަށް އެއްބަސްވެފައިވާ ކަން އެނގެއެވެ.

10 މޭ 2008 ގެ އެއްބަސްވުމުގައި ކޮންމެ މަހެއްގެ 5 (ފަހެއް) ވަނަ ދުވަހުގެ ކުރިން ކުލި ދައްކަންޖެހޭނެ ކަމަށް ބަޔާންކޮށްފައި އޮންނަހިނދު 01 ޑިސެންބަރު 2009 ގެ އެއްބަސްވުމުގައި ކުލި ދެއްކުމުގެ މުއްދަތާ ގުޅޭގޮތުން ހަނުއޮތް ކަމަށް ދެކެމެވެ.

އެއްބަސްވުމުގެ ދަށުން ރަހުނުކުރުމުގެ ޙައްޤު ވީއޭ ޕްރައިވެޓް ލިމިޓެޑަށް ލިބިދީފައިވާ ކަން އެނގެއެވެ.

އެއްބަސްވުމާ ޚިލާފުނުވެ އަދި އެއްބަސްވުމުގެ ދަށުން ދައްކަންޖެހޭ ކުލި ވީއޭ ޕްރައިވެޓް ލިމިޓެޑުން ދައްކާހާ ހިނދަކު އެއްބަސްވުން ބާޠިލްކުރުމުގެ އިޚްތިޔާރު ޢަބްދުލްކަރީމް ޢަބްދުﷲ އަށް ލިބިފައިނުވާ ކަމަށް ވަނީ އެއްބަސްވުމުގައި ބަޔާންކޮށްފައެވެ.

ކުލި ދެއްކުމަށް އެއްބަސްވެފައިވާ ގޮތް

ޢަބްދުލްކަރީމް ޢަބްދުﷲ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ހުށަހަޅާފައިވާ މި އިސްތިއުނާފު ބިނާކުރަނީ، އޭނާ ސިވިލް ކޯޓާއި ފަހުން ދިވެހިރާއްޖޭގެ ހައިކޯޓުގައި ވެސް އުފުލި ޚުސޫމަތަށް ނިމުމެއް އައިސްފައި ނުވާކަމުގެ މައްޗަށެވެ. ޢަބްދުލްކަރީމް ޢަބްދުﷲ އުފުލި ދަޢުވާގައިވާ ޚުސޫމަތަކީ، އެއްބަސްވެފައިވާ ގޮތަށް ކުލި ދައްކާފައި ނުވާތީވެ، ވީއޭ ޕްރައިވެޓް ލިމިޓެޑުން އެއްބަސްވުމާ ޚިލާފުވެފައިވާ ކަމަށް ނިންމައި، ތަން ހުސްކުރާ ދުވަހާ ހަމައަށް ކުލި ހޯދުމާއި ތަން ހުސްކުރުމަށެވެ. އެހެންކަމުން އިސްތިއުނާފުކުރާ ފަރާތާއި އިސްތިއުނާފު ރައްދުވާ ފަރާތާ ދެމެދު ދައުރުވާ ޚުސޫމަތަކީ ކުލި ދައްކަން އެއްބަސްވި ގޮތާއި ގުޅޭގޮތުން ކަމުގައި ވާތީވެ އަންނަނިވި ކަންކަން ވިދިގެން އަންނަ ފޮޅުވަތް ތަކުގައި ފާހަގަކުރަމެވެ.

10 މޭ 2008 ގެ އެއްބަސްވުމުގެ 05 ވަނަ މާއްދާގައި ކޮންމެ މަހެއްގެ ކުލި އެ މަހުގެ 05 (ފަހެއް) ވަނަ ދުވަހުގެ ކުރިން ދައްކަންޖެހޭނެ ކަމަށް ބަޔާންކޮށްފައި ވެއެވެ. އަދި ހަމަ އެހެންމެ އޭގެ ފަހުން 10 ޑިސެންބަރު 2009 ގެ އެއްބަސްވުމުގެ 04 ވަނަ މާއްދާގައި އޮންނަނީ ކުލި ކޮންމެ މަހަކު ދައްކަންޖެހޭނެ ކަމުގައެވެ. ނަމަވެސް މި މާއްދާގެ ހަމައެކަނި ނައްސަށް ބަލައިފިނަމަ ކުލި ދައްކަންވީ ދުވަހެއް ސާފުނުވާކަން ފާހަގަކުރަމެވެ.

10 މޭ 2008 ގެ އެއްބަސްވުމުގައިވާ މާއްދާތަކުގެ ތެރެއިން 10 ޑިސެންބަރު 2009 ގެ އެއްބަސްވުމުގައިވާ މާއްދާތަކާ ތަޢާރުޟުނުވާ މާއްދާތަކަށް ޢަމަލުކުރަންޖެހޭނެ ކަމަށް ބަޔާންކޮށްފައި ވެއެވެ. ދެން އުފެދޭ ސުވާލަކީ 10 މޭ 2008 ގެ އެއްބަސްވުމުގެ 05 ވަނަ މާއްދާގައި ކޮންމެ މަހެއްގެ ކުލި އެ މަހުގެ 05 (ފަހެއް) ވަނަ ދުވަހުގެ ކުރިން ދައްކަން ޖެހޭކަމަށް އޮތުމާއި، އަދި 01 ޑިސެންބަރު 2009 ގައި ވެފައިވާ އެއްބަސްވުމުގައި ކުލި ދައްކާނެ ދުވަހެއް ބަޔާންކޮށްފައި ނެތުމަކީ އެ ދެ މާއްދާ ފުށޫއެރުމެއް ތޯއެވެ. އެހެންކަމުން މި ދެ މާއްދާގެ ނައްސަށް ބަލާލާނަމެވެ.

01 މޭ 2008 ގެ އެއްބަސްވުމުގެ 05 ވަނަ މާއްދާގައި ވަނީ ތިރީގައި އެވާ ފަދައިންނެވެ.

"ކުއްޔަކީ ކޮންމެ މީލާދީ މަހަކު 20,000.00ރ. (ވިހިހާސް) ދިވެހި ރުފިޔާއެވެ. ކުލި ދައްކާނީ ކޮންމެ މަހަކުވެސް އެ ހިނގާ މީލާދީ މަހެއްގެ 05 (ފަހެއް) ވަނަ ދުވަހުގެ ކުރިން ކުއްޔަށްހިފި ވީއޭ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ކުއްޔަށްދިން ޢަބްދުލްކަރީމް ޢަބްދުﷲ ނުވަތަ އޭނާ (ލިޔުމުން) އެންގި ފަރާތަކަށެވެ."

01 ޑިސެންބަރު 2009 ގެ އެއްބަސްވުމުގެ 04 ވަނަ މާއްދާގައި ވަނީ ތިރީގައި އެވާ ފަދައިންނެވެ.

"ކުއްޔަކީ ކޮންމެ މީލާދީ މަހަކު (އެޑްވާންސް) އަށް ދިން 300,000.00ރ. (ތިންލައްކަ) ރުފިޔާއިން ކޮންމެ މަހަކު 4000.00ރ .(ހަތަރުހާސް) ކަޑާ 16,000.00ރ. (ސޯޅަހާސް) ރުފިޔާ ޢަބްދުލްކަރީމް ޢަބްދުﷲ އަށް ނުވަތަ ޢަބްދުލްކަރީމް ޢަބްދުﷲ ސިޓީއަކުން އަންގަވާ ފަރާތަކަށް ވީއޭ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ޙަވާލުކުރުމެވެ."

މަތީގައިވާ ދެ މާއްދާގެ ނައްސަށް ބަލާއިރު، 01 މޭ 2008 ގެ އެއްބަސްވުމުގެ 05 ވަނަ މާއްދާގައި ކުލި ބަޔާންކޮށް ދިނުމުގެ އިތުރުން ކުލި ދައްކަންވީ ގޮތް ނުވަތަ ދުވަސް ވެސް ވަނީ ބަޔާންކޮށްފައެވެ. އެއީ އެ މަހެއްގެ ކުލި 05 (ފަހެއް) ވަނަ ދުވަހުގެ ކުރިން ޢަބްދުލްކަރީމް ޢަބްދުﷲ ލިޔުމުން އަންގާ ފަރާތަކަށް ދައްކަންޖެހޭނެ ކަމަށް ބަޔާންކޮށްފައި ވާހިނދު 10 ޑިސެންބަރު 2009 ގެ އެއްބަސްވުމުގެ 04 ވަނަ މާއްދާގައި ކުލި ކަނޑައެޅުމާއެކު ކުލި ޢަބްދުލްކަރީމް ޢަބްދުﷲ ލިޔުމުން އަންގާ ފަރާތަކަށް ދައްކަންޖެހޭނެ ކަމަށް ބަޔާންކޮށްފައި، އެ މަހެއްގެ 05 (ފަހެއް) ވަނަ ދުވަހުގެ ކުރިން ކުލި ދައްކަންޖެހޭނެ ކަމަށް ބަޔާންކޮށްފައި ނެތުމަކީ އިސްވެ ބުނެވުނު ދެ މާއްދާ ތަޢާރުޟު ވުމެއް ނުވަތަ ފުށޫއެރުމެއް ނޫނެވެ. ނަމަވެސް ބަހުސްގެ ބޭނުމަށްޓަކައި މިސާލަކަށް 10 ޑިސެންބަރު 2009 ގެ އެއްބަސްވުމުގައިވާ ކުލި ކޮންމެ މީލާދީ މަހަކު 10 (ދިހައެއް) ވަނަ ދުވަހުގެ ކުރިން ކުލި ދައްކަންޖެހޭނެ ކަމަށް ބަޔާންކޮށްފައިވާނަމަ، އެއް ކަމެއް ދެ ގޮތަކަށް ދެ އެއްބަސްވުމުގައި ކަނޑައަޅާފައިވާ ކަމަށް ބަލައި 10 މޭ 2008 ގެ އެއްބަސްވުމާއި 01 ޑިސެންބަރު 2009 ގެ އެއްބަސްވުމާއި ފުށޫއެރުމެއް އޮތް ކަމަށް ބުނުމުގެ ފުރުސަތު އޮތީހެވެ. ނަމަވެސް ހުށަހެޅިފައިވާ މި މައްސަލައިގައި، ކަންހިނގާފައިވާ ގޮތަށް ބަލައި، ފަހުން ވި އެއްބަސްވުމުގައި، ކުލި ދައްކަންވީ ދުވަސް ނުވަތަ މުއްދަތު ބަޔާންކޮށްފައި ނެތުމުން އެ ދެ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ދެ މާއްދާ ތަޢާރުޟުވާނެ ގޮތެއް ނެތެވެ.

10 މޭ 2008 ގެ އެއްބަސްވުމުގައި އެ މަހެއްގެ 05 (ފަހެއް) ވަނަ ދުވަހުގެ ކުރިން ކުލި ދައްކަންޖެހޭނެ ކަމަށް ބަޔާންކޮށްފައިވާ ހިނދު، 01 ޑިސެންބަރު 2009 ގެ އެއްބަސްވުމުގައި ކުލި ދައްކަންޖެހޭ މުއްދަތެއް ނުވަތަ ދުވަހެއް ބަޔާންކޮށްފައި ނުވާތީވެ ރުޖޫޢަވާންޖެހޭނީ 01 މޭ 2008 ގެ އެއްބަސްވުމުގައި ކުލި ދެއްކުމާގުޅޭ ގޮތުން އޮންނަ މާއްދާ އަށެވެ. އެ މާއްދާގައިވާ ގޮތުގެމަތިން ކޮންމެ މަހެއްގެ 05 (ފަހެއް) ވަނަ ދުވަހުގެ ކުރިން ކުލި ދައްކަންޖެހޭނެ ކަމަށް ދެކެމެވެ.

ވީއޭ ޕްރައިވެޓް ލިމިޓެޑުން މަހުގެ 05 (ފަހެއް) ވަނަ ދުވަހުގެ ކުރިން ކުލި ދައްކަންޖެހޭ ކަމަށް އެ ފަރާތުން އެކަން ބަލައިގަނެ ޢަމަލުކުރަމުން ގޮސްފައިވާކަން އެނގެއެވެ. މިގޮތުން ވީއޭ ޕްރައިވެޓް ލިމިޓެޑުން ޢަބްދުލްކަރީމް ޢަބްދުﷲ އަށް 2016 ވަނަ އަހަރުގެ މާރިޗު މަހުގެ 08 ވަނަ ދުވަހާއި އަދި 09 ވަނަ ދުވަހު ފޮނުވާފައިވާ ދެ ސިޓީގައި ކުލި ދައްކަންޖެހެނީ އެ މަހެއްގެ 05 (ފަހެއް) ވަނަ ދުވަހު ކުރިންކަން ޤަބޫލުކޮށްފައިވާކަން އެނގެއެވެ. އަދި ކުލި ދެއްކުމާގުޅޭ ގޮތުން ވީއޭ ޕްރައިވެޓް ލިމިޓެޑާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ސުވާލުކުރުމުން އެ ފަރާތުން ކުލި ދައްކަނީ އެ މަހެއްގެ 05 (ފަހެއް) ވަނަ ދުވަހުގެ ކުރިން ކަމުގައި ބުނެފައިވާތީވެ، ކުލި ދެއްކުމަށް އެއްބަސްވެފައިވަނީ އެ މަހެއްގެ 05 (ފަހެއް) ވަނަ ދުވަހުގެ ކުރިންކަން ދެ ފަރާތުގެ ބަހުންނާއި ޢަމަލުން ސާފުވެ މި ކަމުގައި އޮޅުމެއް އޮތްކަމަކަށް ނުދެކެމެވެ.

އެހެންކަމުން ދިވެހިރާއްޖޭގެ ހައިކޯޓުން މަތީގައި ބަޔާންކުރެވިފައިވާ ދެ މާއްދާ ތަޢާރުޟުވާކަމަށް ކަނޑައަޅައި ކުލި ދައްކަންވީ ގޮތެއް 10 ޑިސެންބަރު 2009 ގެ އެއްބަސްވުމުގައި ބަޔާންކޮށްފައި ނުވާކަމަށް ކަނޑައަޅާފައިވަނީ ރަނގަޅަށް ނޫންކަމަށް އަހުރެން ދެކެމެވެ.

އެއްބަސްވުން ނިމުމަކަށް އައިސްފައިވޭތޯ ބެލުން

ވީއޭ ޕްރައިވެޓް ލިމިޓެޑުން އެއްބަސްވުމާ ޚިލާފުވެފައިވާ ކަމަށް ދެކި، ތަން ހުސްކުރުމުގެ ނޯޓިސް ޢަބްދުލްކަރީމް ޢަބްދުﷲ ދެ ފަހަރެއްގެ މަތިން ވީއޭ ޕްރައިވެޓް ލިމިޓެޑަށް ދީފައިވާކަން އެނގެއެވެ.

މިގޮތުން ފުރަތަމަ ނޯޓިސް ދީފައިވަނީ 2015 ވަނަ އަހަރުގެ ސެޕްޓެންބަރު މަހުގެ 12 ވަނަ ދުވަހުއެވެ. މި ނޯޓިސްގައި ބުނެފައިވަނީ 30 (ތިރީސް) ދުވަހުގެ ތެރޭގައި ތަން ހުސްކުރުމަށާއި، އެ މުއްދަތަށްފަހު ތަން ބޭނުންކުރާނަމަ، ދުވާލަކު 2500.00ރ. (ދެހާސް ފައްސަތޭކަ ރުފިޔާ) ގެ މަގުން ކުލި ހިނގާނެ ކަމަށެވެ. އޭގެ ފަހުން 2016 ވަނަ އަހަރުގެ ފެބުރުވަރީ މަހުގެ 07 ވަނަ ދުވަހު އެ މަހުގެ ނިޔަލަށް ތަން ހުސްކުރުމަށް އަންގާ ދެވަނަ ނޯޓިހެއް ފޮނުވާފައިވާއިރު، އެ މުއްދަތަށްފަހު ތަން ބޭނުންކުރާނަމަ، މަހަކު 75,000.00ރ. (ހަތްދިހަ ފަސްހާސް ރުފިޔާ) ގެ މަގުން ކުލި ހިނގާނެ ކަމަށެވެ. ބަޔާންވެދިޔަ ދެ ނޯޓިސްއަށް ފަހުގައިވެސް ވީއޭ ޕްރައިވެޓް ލިމިޓެޑުން އެއްބަސްވުމުގައި ބަޔާންކޮށްފައިވާ 16,000.00ރ. (ސޯޅަހާސް ރުފިޔާ) ގެ މަހު ކުލި ޢަބްދުލްކަރީމް ޢަބްދުﷲ އަށް ދެއްކުމުން އެ ކުލި ބަލައިގަންނަމުން ގޮސްފައިވާތީވެ، ތަން ހުސްކުރުމަށް ނޯޓިސްދީފައި އޮތް ކަމުގައި ވިޔަސް އެއްބަސްވުން ދަމަހައްޓަން ޢަބްދުލްކަރީމް ޢަބްދުﷲ ބޭނުންވާކަން އޭނާގެ ޢަމަލުން އެނގެއެވެ.

ސުވާލު އުފެދިފައިވަނީ، ވީއޭ ޕްރައިވެޓް ލިމިޓެޑުން އެއްބަސްވުމުގައިވާ ގޮތުގެމަތިން ކުލި ދައްކަމުން ގޮސްފައިނުވާތީވެ، ތަން ހުސްކުރުމަށް ނޯޓިސް ދިނުމަށްފަހު އޭގެ ފަހުން އެއްބަސްވުމުގައިވާ ގޮތުގެމަތިން ކުލި ދެއްކުމުން ކުލި ބަލައި ގަންނަމުން ދާހިނދު، ދެ ފަރާތުގެ ދެމެދުގައިވާ އެއްބަސްވުން ނިމުމަކަށް އައިސްފައިވޭތޯގެ މައްޗަށެވެ.

ދައުލަތް ވ. ވިލާ އެއަރ ޕވޓ ލޓޑ މި މައްސަލައިގައި، ފަނޑިޔާރު ޙުސްނުއްސުޢޫދު ފާހަގަކޮށްފައިވާ ފަދައިން، އެއްވެސް ކޮންޓްރެކްޓަކީ އޮޓޮމެޓިކުން ނިމުމަކަށް އަންނަ އެއްޗެއް ނޫންކަމާއި ކޮންޓްރެކްޓަކާ ޚިލާފުވެގެން ކޮންޓްރެކްޓެއް ނިމުމަކަށް ގެންނަން ބޭނުންވާ ޙާލަތުގައި ކޮންޓްރެކްޓާ ޚިލާފުނުވާ ފަރާތުން އެ ކަމަށް ގަސްތުކުރާކަން އޭނާގެ ޢަމަލުން ދޭހަވާން ވާނެއެވެ. ކޮންޓްރެކްޓާ ޚިލާފުނުވާ ފަރާތުގެ ޢަމަލުން އެކަން ދޭހަނުވާނަމަ، ފަހަރުގައި ކޮންޓްރެކްޓާ ޚިލާފެއް ވެފައި އޮވެމެ، އެ ޚިލާފު އޮތުމާއެކުވެސް ކޮންޓްރެކްޓާއިގެން ކުރިޔަށްދާން ބޭނުންވާކަން އޭނާ އިޚްތިޔާރު ކުރީކަމުގައި ބެލުމުގެ ފުރުސަތު އޮންނާނެއެވެ.

މީގެ އިތުރުން ފެންނަ ފެނުމުގައި ކޮންޓްރެކްޓަކާ ޚިލާފުކަމެއް ފެނުނު ނަމަވެސް އެ ކަމަކީ ކޮންމެހެން ކޮންޓްރެކްޓެއް ނިމުމަކަށް އަންނަ ފަދަ ޙާލަތަކަށް ނުވެދާނެއެވެ. ކޮންޓްރެކްޓާ ޚިލާފެއްވެފައި އޮންނަ ޙާލަތުގައި ޚިލާފުނުވާ ފަރާތަށް އެ ޚިލާފާއިގެން ކުރިއަށް ދިއުން ނުވަތަ ކޮންޓްރެކްޓް ބާޠިލްކުރުމުގެ އިޚްތިޔާރު އޮވެއެވެ.

ވީމާ ވީއޭ ޕްރައިވެޓް ލިމިޓެޑުން އެއްބަސްވެފައިވާ ގޮތަށް ޢަބްދުލްކަރީމް ޢަބްދުﷲ އަށް ކުލި ދައްކަމުން ގޮސްފައިނުވާތީވެ، ފެންނަ ފެނުމުގައި އެއްބަސްވުމާ ޚިލާފުވެފައިއޮތް ކަމުގައިވިޔަސް، އެއްބަސްވުމުގައި ބަޔާންކުރެވިފައިވާ ކުލި ދެއްކުމުން ކުލި ބަލައި ގަންނަމުން ގޮސްފައިވާތީވެ، ދެ ފަރާތުގެ ޢަމަލުން އެއްބަސްވުން ވުޖޫދުގައި އޮތްކަން އެނގެއެވެ. ހަމަ އެހެންމެ، މީގެ ކުރިން ވީއޭ ޕްރައިވެޓް ލިމިޓެޑުން އެއްބަސްވުމާ އެއްގޮތަށް ކުލި ދައްކަމުން ގޮސްފައި ނުވިނަމަވެސް ޢަބްދުލްކަރީމް ޢަބްދުﷲ އިޚްތިޔާރުކޮށްފައި ވަނީ ޚިލާފެއް އޮތްކަމުގައިވިޔަސް އެ ޚިލާފު ބަލައިގަނެ އެއްބަސްވުމާއިގެން ކުރިއަށް ދާން ނިންމައި، އެ ގޮތުގެމަތިން ޢަމަލުކުރަމުންދާތާ 50 (ފަހެއް) އަހަރަށް ވުރެ ގިނަދުވަސް ވެފައިވާކަން ފާހަގަކުރެވެއެވެ.

ބަޔާންވެދިޔަ ކަންކަމުގެ އަލީގައި މި މައްސަލައިގައި ސިވިލް ކޯޓުންނާއި ދިވެހިރާއްޖޭގެ ހައިކޯޓުން ވާސިލުވި ނަތީޖާ ކަމުގައިވާ، އެއްބަސްވުން ބާތިލުކުރާނެ ތަނެއް ނެތްކަމަށް ކަނޑައަޅައި ދެފަރާތުން އެއްބަސްވުމަށް އިޙްތިރާމްކުރުމަށް އަންގާފައި އޮތީ ރަނގަޅަށް ކަމުގައި ދެކެމެވެ. ނަމަވެސް އެ ނަތީޖާއަށް ވާސިލުވި ސަބަބުތަކުގެ ތެރޭގައި 01 ޑިސެންބަރު 2009 ގެ އެއްބަސްވުމުގައި ކުލި ދައްކަންވީ ގޮތެއް ނެތްކަމަށް ބަޔާންކުރުމަށްފަހު، 10 މޭ 2008 ގެ އެއްބަސްވުމުގެ 05 ވަނަ މާއްދާއާއި 01 ޑިސެންބަރު 2009 ގެ އެއްބަސްވުމުގެ 04 ވަނަ މާއްދާއާ ދެ މާއްދާއަކީ ތަޢާރުޟުވާ ދެ މާއްދާކަމަށް ކަނޑައަޅައި އެއްބަސްވުން މާނަކޮށްފައި ވަނީ ހަރުދަނާ ޤާނޫނީ އަސާސްތަކުގެ މައްޗަށް ކަމުގައި ނުވާތީވެ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HC-A/582 ޤަޟިއްޔާ އާއި ސިވިލް ކޯޓުގެ ނަންބަރު 1207/Cv-C/2016 ޤަޟިއްޔާ ބާޠިލުކަމުގައި ކަނޑައަޅަންޖެހޭ ކަމުގައި އަހުރެން ދެކެމެވެ.

ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ ރައުޔުމި މައްސަލައިގައި ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންގެ ރައުޔުމި މައްސަލައިގައި ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

ޙުކުމް

ދެންފަހެ، އިސްވެ ބަޔާންވެދިޔަ ކަންކަން އެ ގޮތުގެމަތިން ހުރުމުން:

(ހ) ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HC-A/582 ޤަޟިއްޔާއާއި ސިވިލް ކޯޓުގެ ނަންބަރު 1207/Cv-C/2016 ޤަޟިއްޔާ ނިންމުމަށް ވާޞިލުވި ސަބަބުތައް ބިނާވަނީ ޤާނޫނީ އުސޫލުތަކާ އެއްގޮތަށް ނޫންކަމަށް ވާތީވެ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HC-A/582 ޤަޟިއްޔާއާއި ސިވިލް ކޯޓުގެ ނަންބަރު 1207/Cv-C/2016 ޤަޟިއްޔާ ބާޠިލުކަމަށް މި މައްސަލަ ބެލި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅަމެވެ.

(ށ) ޢަބްދުލްކަރީމް ޢަބްދުﷲ އާއި ވީ.އޭ ޕްރައިވެޓް ލިމިޓެޑް (ކުންފުނި ރަޖިސްޓްރީ ނަންބަރު C-125/2002) އާ ދެމެދު ވެފައިވާ ސޯމާ ޓްރޭޑް ކުއްޔަށް ދިނުމާގުޅޭ އެއްބަސްވުން ބާޠިލުކަމަށް ކަނޑައަޅާނެ ތަނެއް ނެތް ކަމާއި، ދެ ފަރާތުންވެސް އެއްބަސްވުމަށް އިޙްތިރާމްކޮށް، އެއްބަސްވުމާ އެއްގޮތަށް ދެ ފަރާތުންވެސް އަދާކުރަންޖެހޭ އެންމެހައި އިލްތިޒާމުތައް އަދާކުރަމުން ގެންދިއުމަށް އަންގައި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމްކޮށްފީމެވެ.

މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ:

އަޒްމިރާލްދާ ޒާހިރުމުޙައްމަދު އިބްރާހީމްޢަލީ ރަޝީދު ޙުސައިން(ރިޔާސަތު)

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ޝެއަރ ކުރައްވާ