ދިވެހިރާއްޖޭގެ މަތީ މަރުޙަލާގެ ކޯޓުތަކުން ކަނޑައަޅާފައިވާ ޤާނޫނީ އުޞޫލުތައް

Maldives Legal Precedents

Saeed Lex
2019/SC-C/06, 2019/SC-C/05ސުޕްރީމް ކޯޓު · 25 ފެބުރުއަރީ 2019

—

ސުޕްރީމް ކޯޓު
ފަހުގެ ޙުކުމެއްގައި ޙަވާލާދީފައެއް ނުފެނޭޙުކުމުގެ ހާލަތު
ސުޕްރީމް ކޯޓު · 25 ފެބުރުއަރީ 2019ބާވަތް: އެހެނިހެން

ޚުލާޞާ

ޚުލާޞާ ނެތް.

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
—
ފަހުގެ ތާރީޚު
—

ނިންމުން

—

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

މި ލިޔުމުން އުޞޫލެއް ނުނެގުނު.

ފަނޑިޔާރުން

ބެންޗު
—
ޚިލާފު ރައުޔު
ނެތް

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.

ޝަރީޢަތް ނިމުނުގޮތުގެ ޚުލާޞާ

ޤަޟިއްޔާ ނަންބަރު: 2019/SC-C/05

ދަޢުވާކުރާ ފަރާތް: ޢަބްދުﷲ ޖާބިރު

ޢަބްދުލްމާނިޢު ޙުސައިން

އަޙްމަދު މުޙައްމަދު

ދަޢުވާ ލިބޭ ފަރާތް: ދިވެހި ދައުލަތް (އެޓަރނީ ޖެނެރަލްގެ އޮފީސް)

މައްސަލައިގެ ބާވަތް: ދުސްތޫރީ މައްސަލަ

މައްސަލަ އައިގޮތް: ދުސްތޫރީ މައްސަލަ ހުށަހެޅުމުގެ ހުއްދައަށް އެދި ހުށަހަޅާ ފޯމުން

ހުށަހެޅުނު ތާރީޚް: 11 ފެބުރުވަރީ 2019 (2019/SC-C/05)

12 ފެބުރުވަރީ 2019 (2019/SC-C/06)

ރަޖިސްޓްރީ ކުރެވުނު ތާރީޚް: 12 ފެބުރުވަރީ 2019

ނިމުނު ތާރީޚް: 25 ފެބުރުވަރީ 2019

މައްސަލަ ނިންމި ގަޑި: 10:45

މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް: އުއްތަމަ ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީ، ފަނޑިޔާރު ޢަބްދުﷲ ޢަރީފް، ފަނޑިޔާރު އާދަމް މުޙައްމަދު ޢަބްދުﷲ، ފަނޑިޔާރު ޢަބްދުﷲ ދީދީ، ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދު

މައްސަލައިގެ ޚުލާޞާ:

މިއީ، ޤާނޫނު ނަންބަރު 2013/4 (ސިޔާސީ ޕާޓީގެ ޤާނޫނު) ގެ 10 ވަނަ މާއްދާއަކީ ޤާނޫނުއަސާސީގެ 73 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމަށް ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަންޖެހޭ ނިހާއީ ޝަރުޠުތަކަށް ގެނެވޭ އުނިއިތުރެއްކަމަށްވާތީއާއި، އަދި އެ މާއްދާއަކީ ޤާނޫނުއަސާސީގެ 26 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ އިންތިޚާބުތަކުގައި ވޯޓު ދިނުމުގެ ޙައްޤާއި އެ މާއްދާގެ (ށ) ގައި ބަޔާންކުރާ އިންތިޚާބުތަކުގައި އެކިއެކި މަޤާމުތަކަށް ކުރިމަތިލުމުގެ ޙައްޤާއި، އަދި ހަމަ އެ މާއްދާގެ (ނ) ގައި ބަޔާންކުރާ އެމީހަކު އިޚްތިޔާރުކުރާ މަންދޫބުން މެދުވެރިކޮށް ރައްޔިތުންގެ ކަންތައްތައް ހިންގުމުގައި ބައިވެރިވުމުގެ ޙައްޤާއި، ޤާނޫނުއަސާސީގެ 30 ވަނަ މާއްދާގެ (ހ) އާއި 32 ވަނަ މާއްދާއިން ޖުމްލަކޮށް ސިޔާސީ ޕާޓީތަކަށް ލިބިދޭ ސިޔާސީ ޙަރަކާތްތައް ހިންގުމުގެ ޙައްޤާއި، ޤާނޫނުއަސާސީގެ 17 ވަނަ މާއްދާގެ (ހ) އާއި 20 ވަނަ މާއްދާގައި ބަޔާންކުރާ ހަމަހަމަކަމުގެ އަސާސްތަކާ ތަޢާރުޟުވާ މާއްދާއަކަށްވާތީ، އެ މާއްދާ ބާޠިލްކޮށްދިނުމަށް އެދި ނުވަތަ އެ މާއްދާގައި ބުނާ "ޕްރައިމަރީ" ގެ މިނިވަންކަމާއި އިންޞާފުވެރިކަން ރެގިއުލޭޓްކުރެވޭނެ ނިޒާމެއް ނެތްހިނދު އެ ޕްރައިމަރީން ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ވާޞިލުވުން (ބެލޮޓް އެކްސެސް) މުޠުލަޤު ގޮތެއްގައި ބަންދުކޮށް ޤާނޫނުއަސާސީގެ 26 ވަނަ މާއްދާއިން ކަށަވަރުކޮށްދޭ ޙައްޤުތައް އެކުގައި ނިގުޅައިގެންފައިވާ ހިނދު، އެއީ ދުސްތޫރީ ގޮތުން ހުއްދަކުރެވޭނެ ކަމެއްކަމަށް ނުވާތީ، ޤާނޫނު ނަންބަރު 2013/4 (ސިޔާސީ ޕާޓީގެ ޤާނޫނު) ގެ 10 ވަނަ މާއްދާ ބާޠިލުކޮށްދިނުމަށް ނުވަތަ ޤާނޫނު ނަންބަރު 2013/4 (ސިޔާސީ ޕާޓީގެ ޤާނޫނު) ގެ 10 ވަނަ މާއްދާ މާނަކޮށްދިނުމާއެކު، ޕާޓީއެއްގެ ޕްރައިމަރީގައި ވަކި ދާއިރާއަކަށް ކުރިމަތިލައި ޓިކެޓް ޙާޞިލުވެފައިނުވިނަމަވެސް، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ކުރިމަތިލާއިރު، ސިޔާސީ ޕާޓީގެ މެންބަރުކަން ދޫކޮށް މިނިވަން ކެންޑިޑޭޓެއްގެ ހައިސިއްޔަތުން އެކި ދާއިރާތަކަށް ކުރިމަތިލުމަށް އެ މާއްދާއިން ހުރަސް ނާޅާކަމަށް ކަނޑައަޅައިދިނުމަށް އެދި ހ. ތިމާވެށި، މާލެ، ޢަބްދުﷲ ޖާބިރު އާއި ޢަބްދުލްމާނިޢު ޙުސައިންގެ ފަރާތުން ހުށަހެޅި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-C/05 ޤަޟިއްޔާއާއި،

ޤާނޫނު ނަންބަރު 2013/4 (ސިޔާސީ ޕާޓީގެ ޤާނޫނު) އަށް 3 ވަނަ އިޞްލާޙް ގެނައުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 2016/28) އަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 20 ވަނަ މާއްދާއާއި 26 ވަނަ މާއްދާގެ (ށ) އާއި 73 ވަނަ މާއްދާއާ ކަނޑައެޅިގެން ޚިލާފު ޤާނޫނަކަށްވާތީ، ޤާނޫނު ނަންބަރު 2016/28 (ޤާނޫނު ނަންބަރު 2013/4 (ސިޔާސީ ޕާޓީގެ ޤާނޫނު) އަށް 3 ވަނަ އިޞްލާޙް ގެނައުމުގެ ޤާނޫނު) ބާޠިލްކޮށްދިނުމަށް އެދި އަޙްމަދު މުޙައްމަދުގެ ފަރާތުން ހުށަހެޅި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-C/06 ޤަޟިއްޔާއާ ގުޅިގެން ބެލިފައިވާ ދުސްތޫރީ މައްސަލައެކެވެ.

މި މައްސަލައިގައި ދަޢުވާ ރައްދުވާ ފަރާތަކީ ދިވެހި ދައުލަތް (އެޓަނީ ޖެނެރަލްގެ އޮފީސް) އެވެ.

އަދި، މި މައްސަލައަކީ، ރައްޔިތުންގެ މަޖިލީހަށް މެންބަރުން އިންތިޚާބުކުރުމަށް ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ކުރިމަތިލުމުގެ ޙައްޤާ ގުޅޭ މައްސަލައަކަށްވެފައި، 19 ވަނަ ރައްޔިތުންގެ މަޖިލީހަށް މެންބަރުން އިންތިޚާބުކުރުމަށް ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު، 2019 އެޕްރީލް 06 ވާ ހޮނިހިރު ދުވަހު ބާއްވާގޮތަށް އިލެކްޝަންސް ކޮމިޝަނުން އިޢުލާންކޮށްފައިވަނިކޮށް މި ކޯޓަށް ހުށަހެޅިފައިވާ މައްސަލައަކަށްވާތީ، މި މައްސަލައާ ގުޅިގެން ސާފުކުރަންޖެހޭ ބައެއް ކަންތައްތައް ސާފުކުރުމަށްޓަކައި އިލެކްޝަންސް ކޮމިޝަން މި މައްސަލައިގެ ޝަރީޢަތުގެ މަޖިލީހަށް ޙާޟިރުކުރެވި، އެފަރާތާ ޝަރީޢަތުގެ ފަރާތުން ކުރެވުނު ސުވާލުތަކަށް ޖަވާބުދާރީވެފައިވެއެވެ.

ފާހަގަކުރެވުނު ނުކުތާތައް:

މި މައްސަލައިގައި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށާއި، ޤާނޫނުތަކަށާއި، ދަޢުވާކުރާ ފަރާތްތަކުންނާއި ދަޢުވާލިބޭ ފަރާތުންނާއި މި މައްސަލައިގެ ތެރެއަށް ތަދައްޚުލްކުރެވުނު އިލެކްޝަންސް ކޮމިޝަންގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް ހުށަހެޅި ލިޔުންތަކަށާއި، ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، ތަފާތު ޖުރިސްޑިކްޝަންތަކުގައި ޢަމަލުކުރާ އިންތިޚާބާބެހޭ ޤާނޫނުތަކަށާއި، މިބާވަތުގެ މައްސަލަތަކާ ގުޅޭ ޤާނޫނީ އަދި ދުސްތޫރީ ޢާންމު މަބްދައުތަކުގެ މައްޗަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ބަލައި ވިސްނިއިރު، މި މައްސަލަ ބެލި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.

އިސްވެދިޔަ ދެ ޤަޟިއްޔާގެ ޞީޣާއަށް ބެލުމުން އެ ދެ ޤަޟިއްޔާގެ މައުޟޫޢަކީ އެއް މައުޟޫޢެއް ކަމާއި އަދި އެ ދެ ޤަޟިއްޔާގެ ދަޢުވާ ބިނާކުރެވިފައިވާ ސަބަބުތަކަކީ އެއް ބާވަތެއްގެ ސަބަބުތަކެއްކަން އެނގެން އޮތުމުން އެ ދެ ޤަޟިއްޔާ އެއްކޮށްގެން އެއް މައްސަލައެއްގެ ގޮތުގައި ބަލައި ފައިޞަލާކުރުމަށް ނިންމުނެވެ.

މި މައްސަލައިގައި ވަކިގޮތަކަށް ކަނޑައެޅުމާ ހަމައަށް ޤާނޫނު ނަންބަރު 2013/4 (ސިޔާސީ ޕާޓީގެ ޤާނޫނު) އަށް 3 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނަށް ޢަމަލުކުރުން ހުއްޓާލުމަށް ދައުލަތުގެ މުއައްސަސާތަކުގެ މައްޗަށް އަމުރުކޮށްދިނުމަށް އެދި މި މައްސަލައިގައި ދަޢުވާކުރާ އަޙްމަދު މުޙައްމަދުގެ ފަރާތުން ހުށަހަޅާފައިވީނަމަވެސް، މި މައްސަލައިގެ ޒާތަށާއި ބާވަތަށާއި، ކޯޓުތަކުން ވަގުތީ އަމުރު ނެރުމުގައި ރިޢާޔަތްކުރާ އިސްތިޤުރާރުވެފައިވާ އުޞޫލުތަކަށް ބެލުމަށްފަހު، މި މައްސަލައިގައި ބުނެވިދިޔަ ފަދަ ވަގުތީ އަމުރެއް ނެރެންޖެހޭ ޤާނޫނީ އަސާސެއް ނެތަތީ އެފަދަ އަމުރެއް ނެރޭނެ ތަނެއް ނެތްކަމަށް ކަނޑައަޅައިގެން މައްސަލައާމެދު ފައިޞަލާކުރުމަށް ނިންމުނެވެ.

ޤާނޫނުއަސާސީގެ 'ސުޕްރިމަސީ' (Supremacy of the Constitution) ގެ މަބްދައަކީ ޤާނޫނީ ދައުލަތެއްގެ އެންމެ މުހިއްމު އެއް "ޚާއްޞިއްޔަތު" ނުވަތަ ސިފަ ކަމާއި، މިގޮތުން ދައުލަތުގެ އެންމެހައި ޤާނޫނުތަކާއި ޤަވާޢިދުތަކާއި ތަންފީޒީ ޤަރާރުތައް ބައްޓަންވެގެން ވާންވާނީ ޤާނޫނުއަސާސީގެ ނައްޞުތަކާއި އަޙްކާމްތަކާއި އެއްގޮތްވާ ގޮތުގެމަތިން ކަމާއި، ޤާނޫނުއަސާސީގެ ނައްޞުތަކާ ޚިލާފު ޤާނޫނުތަކާއި ޤަވާޢިދުތަކާއި ޤަރާރުތަކަކީ ބާޠިލު އެއްޗެއް ކަމީ އެންމެހައި ދީމިޤްރާޠީ މުޖްތަމަޢުތަކުގައި އިސްތިޤްރާރުވެފައިވާ ދުސްތޫރީ މަބްދައެއްކަން އެނގެން އޮންނައިރު، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 268 ވަނަ މާއްދާގައި އެއްވެސް އޮޅުމެއް ނާރާގޮތަށް މި މަބްދައާ، އަދި މި މަބްދައާ ގުޅި ލާމެހިފައިވާ ދެ މަބްދައު ކަމަށްވާ މަބްދައުލް މަޝްރޫޢިއްޔާ (Principle of Legality) އާއި މަބްދައުއް ދުސްތޫރިއްޔާ (Principle of Constitutionality) ވެސް ކަށަވަރު ކޮށްދީފައިވާކަމާ، އަދި މީގެ އިތުރުން، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 63 ވަނަ މާއްދާގެ ޞަރީޙަ ނައްޞުގައި، ޤާނޫނުއަސާސީގެ ދެވަނަ ބާބުގައި ބަޔާންވެގެންވާ އަސާސީ ޙައްޤަކާ ނުވަތަ މިނިވަންކަމަކާ ތަޢާރުޟުވާ އެއްވެސް ޤާނޫނެއް ނުވަތަ ޤާނޫނަކުން ބައެއް ވިޔަސް ވާނީ ބާޠިލް އެއްޗަކަށްކަމަށް ކަނޑައަޅާފައިވާކަން އެނގެން އޮވެއެވެ.

މި މައްސަލައިގައި ދަޢުވާކުރާ ފަރާތްތަކުން އޭގެ ދުސްތޫރިއްޔަތުކަމާ މެދު ޠަޢުނުކޮށްފައިވަނީ ޤާނޫނު ނަންބަރު 2016/28 އިން ޤާނޫނު ނަންބަރު 2013/4 (ސިޔާސީ ޕާޓީގެ ޤާނޫނު) އަށް ގެނެވުނު 3 ވަނަ އިޞްލާޙާ މެދުކަން މި މައްސަލައިގައި ބެލެވޭ އިސްވެ ޙަވާލާދެވުނު ދެ ޤަޟިއްޔާގެ ޞީޣާއިން އެނގެން އޮންނައިރު، ސިޔާސީ ޕާޓީގެ ޤާނޫނަށް ގެނެވުނު ބުނެވުނު 3 ވަނަ އިޞްލާޙާ އެއްގޮތްވާ ގޮތުގެމަތިން ފާސްކުރެވި ޢަމަލުކުރަމުން އަންނަ އެ ޤާނޫނުގެ 10 ވަނަ މާއްދާއަށް ބަލާއިރު، އެ މާއްދާގެ (ހ) ގައި "އެހެން ޤާނޫނެއްގައި އެހެން ގޮތަކަށް އޮތްކަމުގައިވީނަމަވެސް، ސިޔާސީ ޕާޓީއެއްގައި ރަޖިސްޓްރީކޮށްފައިވާ މެންބަރަކު، ޤާނޫނުއަސާސީން ނުވަތަ ޤާނޫނަކުން ބާރުލިބިގެން ބާއްވާ އެއްވެސް އިންތިޚާބެއްގައި ސިޔާސީ ޕާޓީގެ ޓިކެޓް ހޯދުމަށް އެ ޕާޓީގެ ޕްރައިމަރީގައި ވާދަކޮށްފައިވާ މެންބަރަކު، އެ އިންތިޚާބެއްގައި އެހެން އެއްވެސް ހައިސިއްޔަތަކުން ވާދަކޮށްގެން ނުވާނެއެވެ." މިފަދައިން ބަޔާންކުރުމަށްފަހު އެ މާއްދާގެ (ށ) ގައި "މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން އިންތިޚާބެއްގައި ސިޔާސީ ޕާޓީގެ ޓިކެޓް ހޯދުމަށްޓަކައި ސިޔާސީ ޕާޓީއެއްގެ ޕްރައިމަރީގައި ވާދަކޮށްފައިވާ މެންބަރަކު، އެ އިންތިޚާބުގައި އެހެން އެއްވެސް ހައިސިއްޔަތަކުން ކެންޑިޑޭޓެއްގެ ގޮތުގައި ކުރިމަތިލުމަށް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅައިފިނަމަ، އެ ކޮމިޝަނުން އެ މީހެއްގެ ކެންޑިޑެސީ ބާޠިލުކުރަންވާނެއެވެ." މިފަދައިން ކަނޑައަޅައި ބަޔާންކޮށްފައިވެއެވެ.

ރައްޔިތުންގެ މެދުގައި ތަފާތުކުރުމެއްނެތި، އެކަށީގެންނުވާ ޤައިދަކާ ނުލައި، އިންތިޚާބުތަކުގައި ވޯޓުދިނުމާއި ވާދަކުރުމުގެ ޙައްޤަކީ މަދަނީ އަދި ސިޔާސީ ޙައްޤުތަކާބެހޭ ބައިނަލްއަޤުވާމީ ޢަހުދު 1966 (International Covenant on Civil and Political Rights 1966) ގެ 25 ވަނަ މާއްދާގެ (ށ) ގައި ކަށަވަރުކޮށްދީފައިވާ، އަދި މިޒަމާނުގެ ދުސްތޫރީ ނިޒާމްތަކުގެ ދުސްތޫރު ތަކުގައި އިސްތިޤުރާރުވެފައިވާ ޙައްޤެއްކަމާއި، މި ޙައްޤު ކަށަވަރުކުރަމުން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 26 ވަނަ މާއްދާގެ ޞަރީޙަ ނައްޞުގައި "މި ޤާނޫނުއަސާސީގައި އެހެންގޮތަކަށް ބަޔާންކޮށްފައި ނުވާހައި ހިނދަކު، ޢުމުރުން އަށާރަ އަހަރުން މަތީގެ ކޮންމެ ރައްޔިތަކަށްމެ އަންނަނިވި ޙައްޤުތައް ލިބިގެންވެއެވެ. (ހ) އިންތިޚާބުތަކުގައްޔާއި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓުތަކުގައި ވޯޓުދިނުމުގެ ޙައްޤު. މިފަދަ ވޯޓުތަކަކީ ސިއްރު ވޯޓުތަކަކަށް ވާންވާނެއެވެ. (ށ) އިންތިޚާބުތަކުގައި އެކިއެކި މަޤާމުތަކަށް ކުރިމަތިލުމުގެ ޙައްޤު. (ނ) އެމީހަކު އަމިއްލައަށް ނުވަތަ އެމީހަކު މިނިވަންކަމާއެކު އިޚްތިޔާރުކުރާ މަންދޫބުން މެދުވެރިކޮށް ރައްޔިތުންގެ ކަންތައްތައް ހިންގުމުގައި ބައިވެރިވުމުގެ ޙައްޤު." މިފަދައިން ކަނޑައަޅައި ބަޔާންކޮށްފައިވާއިރު، ޢާންމު އިންތިޚާބުތަކުގައި އެކިއެކި މަޤާމުތަކަށް ކުރިމަތިލައި، އެ މަޤާމުތަކަށް ވާދަކުރުމުގެ ޙައްޤަކީ ޢުމުރުން 18 އަހަރު ފުރިފައިވާ ކޮންމެ ދިވެހި ރައްޔިތަކަށްމެ ޤާނޫނުއަސާސީގެ 17 ވަނަ މާއްދާގެ (ހ) ގައި ބަޔާންވެގެންވާ ދުސްތޫރީ ހަމަތަކާ އެއްގޮތްވާ ގޮތުގެމަތިން، އެއްވެސް ގޮތަކުން ތަފާތުކުރުމެއް ނެތި ލިބިގެންވާ އަސާސީ ޙައްޤެއްކަން ޤާނޫނުއަސާސީގެ އިޝާރާތްކުރެވުނު 26 ވަނަ މާއްދާގެ (ށ) އިން ސާފުކޮށް އެނގެން އޮންނަކަމާއި، އެ ޙައްޤު ތަންޒީމުކުރުމުގެ ގޮތުން އިންތިޚާބުތަކުގައި މަޤާމުތަކަށް ކުރިމަތިލާ މީހުންގައި ފުރިހަމަވާންޖެހޭ ޝަރުޠުތަކާއި، އިންތިޚާބުތަކުގައި ބައިވެރިވުން މަނާކުރާ ޙާލަތްތައް ޤާނޫނުއަސާސީގައި ކަނޑައަޅައިފައި އޮތުމަކީ، ނުވަތަ ޤާނޫނުއަސާސީއާ ތަޢާރުޟުނުވާނޭ ގޮތެއްގެމަތިން ޤާނޫނުގައި ކަނޑައެޅުމަކީ، ބުނެވިދިޔަ އިންތިޚާބުތަކުގައި އެކިއެކި މަޤާމުތަކަށް ކުރިމަތިލުމުގެ ޙައްޤު ޤައިދުކުރުންކަމަށް ނުވަތަ ހިފެހެއްޓުން ކަމަކަށް އޭގެޒާތުގައި ނުބެލެވޭނެކަން އެނގެން އޮވެއެވެ.

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ ދެވަނަ ބާބުގައި ބަޔާންކޮށްފައިވާ ޙައްޤުތަކާއި މިނިވަންކަން، އެ ބާބުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އެއްވެސް ގޮތަކުން ތަފާތުކުރުމެއްނެތި ކޮންމެ މީހަކަށްމެ ލިބިގެންވާކަމަށާއި، މި ޙައްޤުތަކާއި މިނިވަންކަން ލިބުމުގައި އެމީހެއްގެ ނަސްލަށް، ނުވަތަ އުފަންވީ ޤައުމަށް، ނުވަތަ ކުލަޔަށް، ނުވަތަ ޖިންސަށް، ނުވަތަ ޢުމުރަށް، ނުވަތަ ޖިސްމާނީ ނުވަތަ ނަފްސާނީ ނުކުޅެދުންތެރިކަމަކަށް، ނުވަތަ އެމީހެއްގެ ސިޔާސީ ނުވަތަ އެނޫންވެސް ވިސްނުމަކަށް، ނުވަތަ މާލީ ފުދުންތެރިކަމަށް، ނުވަތަ ނިސްބަތްވާ ޢާއިލާއަށް ނުވަތަ އުފަން ރަށަށް، ނުވަތަ މިނޫންވެސް ކަމަކަށް ބަލައި ތަފާތުކޮށްގެން ނުވާނެކަމަށް ޤާނޫނުއަސާސީގެ 17 ވަނަ މާއްދާގެ (ހ) ގެ ޞަރީޙަ ނައްޞުގައި ކަނޑައަޅައި ބަޔާންކޮށްފައިވާއިރު، ޤާނޫނުގެ ކުރިމަތީގައި، އަދި އެމީހެއްގެ މައްޗަށް ޤާނޫނު ހިންގުމުގައި ކޮންމެ މީހަކީވެސް ހަމަހަމަވެގެންވާ މީހެއްކަމަށާއި، އަދި ޤާނޫނުގެ ރައްކާތެރިކަމާއި، ޤާނޫނުން ލިބިދޭ މަންފާތައް ހަމަހަމަކަމާއެކު ލިބުމަކީ ހަމަ ކޮންމެ މީހެއްގެ ވެސް ޙައްޤެއްކަމަށް ޤާނޫނުއަސާސީގެ 20 ވަނަ މާއްދާގައި ބަޔާންކޮށްފައިވާއިރު، ޤާނޫނުއަސާސީގެ 26 ވަނަ މާއްދާގެ (ށ) ގައި ކަށަވަރުކޮށްދީފައިވާ އިސްވެ އިޝާރާތްކުރެވުނު ޢާންމު އިންތިޚާބުތަކުގައި މަޤާމުތަކަށް ކުރިމަތިލުމުގެ އަސާސީ ޙައްޤު ރައްޔިތުންނަށް ލިބިދިނުމުގައިވެސް ޤާނޫނުއަސާސީގެ 17 ވަނަ މާއްދާއާއި، 20 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ތަފާތުނުކުރުމުގެ އަސާސީ ޙައްޤާއި، ޤާނޫނުގެ ކުރިމަތީގައި ހަމަހަމަވެގެންވުމުގެ އަސާސީ ޙައްޤު ޙިމާޔަތްކޮށް ނަގަހައްޓަންވާނެކަން އެނގެން އޮވެއެވެ.

ސިޔާސީ ޕާޓީއަކީ ތަފާތު ދީމިޤްރާޠީ އަދި ޤާނޫނީ (Legitimate) ވަސީލަތްތައް ބޭނުންކޮށްގެން ޢާންމު އިންތިޚާބީ މަޤާމުތައް ކާމިޔާބުކުރުމަށްޓަކައި އިއްތިޙާދުވެ، ވަކި ޚާއްޞަ ސިޔާސީ މެނިފެސްޓޯއެއްގެ ދަށުން މަސައްކަތްކުރާ ޖަމާޢަތެއްކަން އެނގޭކަމާއި، މި މާނައިގައި ދައުލަތުގެ ތަފާތު ސިޔާސީ، އިޤްތިޞާދީ އަދި އިޖްތިމާޢީ ކަންކަމާމެދު ރައްޔިތުންގެ ޢާންމު ރައުޔު، އޭގެ އެންމެ ފުރިހަމަގޮތުގައި ހޭލުންތެރި ކުރުވުމަށްޓަކައި ސިޔާސީ ޕާޓީތަކުގެ ދައުރަކީ މިޒަމާނުގެ ދީމިޤްރާޠީ ނިޒާމްތަކުގައި ޟަރޫރަތްތެރި ދައުރެއްކަން އެނގެން އޮންނައިރު، އަދި ސިޔާސީ ޕާޓީ އުފައްދައި، ހިންގައި، ޕާޓީތަކުގެ ޙަރަކާތްތަކުގައި ބައިވެރިވުމުގެ ޙައްޤަކީ ކޮންމެ ދިވެހި ރައްޔިތަކަށްމެ ލިބިގެންވާ އަސާސީ ޙައްޤެއްކަން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 30 ވަނަ މާއްދާގެ (ހ) އިން އެނގެން އޮންނައިރު، ޤާނޫނު ނަންބަރު 2013/4 (ސިޔާސީ ޕާޓީގެ ޤާނޫނު) ގެ 2 ވަނަ މާއްދާގެ (ހ) ގައި ސިޔާސީ ޕާޓީއަކީ، ރައްޔިތުންގެ ބަޔަކު، ރަޖިސްޓަރީވެފައިވާ ވަކި އައިޑެންޓިޓީއެއް އޮތް ބައެއްގެ ގޮތުގައި، އެބައިމީހުންގެ އަމިއްލަ އިޚްތިޔާރާއި މިނިވަންކަމުގައި، ޞުލްޙަވެރިކަމާއެކު، ދީމިޤްރާޠީ ހަމަތަކާ އެއްގޮތްވާ ގޮތުގެމަތިން، ސިޔާސީ މައިދާނުގަޔާއި، ސިޔާސީ ކަންކަމުގައި ޙަރަކާތްތެރިވެ، ބައިވެރިވެ އުޅުމަށާއި، ރައްޔިތުންގެ ވޯޓަކުން މީހަކު އިންތިޚާބުކުރުމަށް ޤާނޫނުއަސާސީގައި ނުވަތަ ޤާނޫނުގައި ބުނެފައިވާ އިންތިޚާބުތަކަށް، ޕާޓީގެ ނަމުގައި ކެންޑިޑޭޓުން ކުރިމަތި ލެއްވުމަށާއި، އެ ކެންޑިޑޭޓުންނަށް ތާއީދު ހޯދުމަށާއި، އެ ކެންޑިޑޭޓުން ހޮވުމަށް މަސައްކަތް ކުރުމަށް، ސިޔާސީ ޕާޓީގެ ޤާނޫނާ އެއްގޮތްވާ ގޮތުގެމަތިން އުފައްދައި، ރަޖިސްޓަރީކޮށްގެން ސިޔާސީ ޕާޓީގެ ޤާނޫނާއި ރާއްޖޭގެ އެހެން ޤާނޫނުތަކާ އެއްގޮތްވާ ގޮތުގެމަތިން ހިންގާ ޖަމާޢަތެއްކަމަށް ބަޔާންކޮށްފައިވާ ކަމާއި، އަދި ދިވެހިރާއްޖޭގައި ސިޔާސީ ޕާޓީ އުފައްދައި ޙާޞިލުކުރަން ބޭނުންވާ ކަންކަމުގެ ތެރޭގައި، ޤާނޫނުއަސާސީގެ ދަށުން ދިވެހިރާއްޖޭގައި ބާއްވާ އިންތިޚާބުތަކުގައި ސިޔާސީ ޕާޓީތަކުގެ ނަމުގައި ވާދަކުރެވޭނެ އިންތިޒާމު ހަމަޖެއްސުން ހިމެނިގެންވާކަން ބުނެވުނު ސިޔާސީ ޕާޓީގެ ޤާނޫނުގެ 3 ވަނަ މާއްދާގެ (7) ގައި ބަޔާންވެގެންވާ ކަން އެނގެން އޮވެއެވެ.

ޢާންމު އިންތިޚާބުތަކުގައި ސިޔާސީ ޕާޓީތައް ތަމްޘީލުކުރާނޭ ކެންޑިޑޭޓުން އިޚްތިޔާރުކުރާނެ އުޞޫލުތައް ކަނޑައަޅައި އެ އުޞޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން ކެންޑިޑޭޓުން އިޚްތިޔާރުކުރުމަކީ ގިނަ ދީމިޤްރާޠީ ނިޒާމުތަކުގައި ޕާޓީތަކުން ކަނޑައަޅާ ސިޔާސަތެއްގެ މަތިން އެ ޕާޓީތަކުގެ ދާޚިލީކަމެއްގެ ގޮތުގައި އިންތިޒާމުކުރެވޭ ކަމެއްކަމާއި؛ މިގޮތުން ބަލާއިރު، ބައެއް ނިޒާމުތަކުގައި ޕާޓީތައް ތަމްޘީލުކުރާނޭ ކެންޑިޑޭޓުން ކަނޑައެޅުމުގެ ބާރު ސީދާ ޕާޓީތަކަށް ދިނުމުގެ ބަދަލުގައި ޕާޓީތަކުން ބާއްވާ ތަމްހީދީ އިންތިޚާބަކުން ނުވަތަ ޕްރައިމަރީއަކުން އިންތިޚާބުތަކުގައި ޕާޓީތައް ތަމްޘީލުކުރާނޭ ކެންޑިޑޭޓުން އިޚްތިޔާރުކުރެވޭ ކަމާއި، ޕްރައިމަރީ އިންތިޚާބަކުން އިންތިޚާބުތަކުގައި ވާދަކުރާނޭ ކެންޑިޑޭޓުން އިޚްތިޔާރުކުރާ އުޞޫލު ޤާނޫނީގޮތުން ވަރަށް ބޮޑަށް ތަންޒީމުކުރެވިގެން ހިންގާ ދީމިޤްރާޠީ އެއް ޤައުމަކީ ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާ ކަން އެނގެން އޮންނައިރު، ދިވެހިރާއްޖޭގައި ޕާޓީތަކުން އިންތިޚާބުތަކުގައި ބައިވެރިކުރާނޭ ކެންޑިޑޭޓުން ކަނޑައެޅުމަކީ ޕާޓީތަކުގެ ޢާންމު ސިޔާސަތުގެ ތެރެއިން ތަންޒީމްކޮށްގެން ހިންގާ ކަމެއްކަމާއި، މިގޮތުން ބައެއް ޕާޓީތަކުން އެ ޕާޓީތައް ތަމްޘީލުކުރާނެ ކެންޑިޑޭޓުން ސީދާ ޕާޓީތަކުން ޕްރައިމަރީއަކާ ނުލައި އިޢުލާންކުރާއިރު، ބައެއް ޕާޓީތަކުން ކެންޑިޑޭޓުން ކަނޑައަޅަނީ ޕާޓީތަކުން ބާއްވާ ޕްރައިމަރީއަކަށް ފަހުކަމާއި، ދިވެހިރާއްޖޭގައި ޕާޓީތަކުން އިންތިޒާމުކޮށް ހިންގާ ޕްރައިމަރީތަކަކީ ޤާނޫނަކުން ތަންޒީމުކުރެވިގެން އޭގެ އުޞޫލުތައް ތަފްޞީލީގޮތަކަށް ކަނޑައެޅިގެން ހިންގާ ޕްރައިމަރީތަކެއް ނޫންކަން އެނގެން އޮންނައިރު، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 30 ވަނަ މާއްދާގެ (ހ) އިން ދިވެހި ކޮންމެ ރައްޔިތަކަށްމެ ލިބިގެންވާ އިސްވެ އިޝާރާތްކުރެވުނު ސިޔާސީ ޕާޓީ އުފައްދައި، ހިންގައި، ޕާޓީތަކުގެ ޙަރަކާތްތަކުގައި ބައިވެރިވުމުގެ ޙައްޤު ޤާނޫނަކުންވިއަސް ތަންޒީމުކުރަންވާނީ ޤާނޫނުއަސާސީގެ ދެވަނަ ބާބުގައި ކަނޑައަޅައި ބަޔާންވެގެންވާ އެހެނިހެން އަސާސީ ޙައްޤުތަކާއި މިނިވަންކަމާ ތަޢާރުޟުނުވާނޭ އުޞޫލަކުން ކަމާއި، ނޫންނަމަ އެފަދަ ޤާނޫނެއް ނުވަތަ ޤާނޫނަކުން ބައެއްވިއަސް ވާނީ ބާޠިލް އެއްޗަކަށްކަމަށް ޤާނޫނުއަސާސީގެ އިސްވެ އިޝާރާތްކުރެވުނު 63 ވަނަ މާއްދާގެ ޞަރީޙަ ނައްޞުން އެނގެން އޮވެއެވެ.

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ އަސާސީ ޙައްޤުތަކާއި މިނިވަންކަމާބެހޭ ބާބުގައިވާ ކޮންމެ ޙައްޤަކީ ނުވަތަ މިނިވަންކަމަކީ ޤާނޫނުއަސާސީގެ 16 ވަނަ މާއްދާގައި ބުނެފައިވާ ޝަރުޠުތަކާއި މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެމަތިން ހިފެހެއްޓިދާނެ ޙައްޤުތަކާއި މިނިވަންކަން ކަމުގައިވާތީ، ޤާނޫނު ނަންބަރު 2016/28 އިން ޤާނޫނު ނަންބަރު 2013/4 (ސިޔާސީ ޕާޓީގެ ޤާނޫނު) އަށް ގެނެވުނު އިސްވެ ޙަވާލާދެވުނު 3 ވަނަ އިޞްލާޙަކީ ރައްޔިތުންގެ މަޖިލީހުން އެގޮތުގެމަތިން ފާސްކޮށްފައިވާ އިޞްލާޙެއް ކަމަށާއި، އެހެންކަމުން އެ އިޞްލާޙަކީ ޤާނޫނުއަސާސީއާ ޚިލާފު އިޞްލާޙެއްކަމަށް ބަލާނެ ތަނެއް ނެތްކަމަށް ބުނެ، މި މައްސަލައިގައި ދަޢުވާލިބޭ ދައުލަތުގެ އެޓާރނީ ޖެނެރަލްގެ ފަރާތުން ޝަރީޢަތުގެ މަޖިލީހުގައި ވަކާލާތުކޮށް ދައްކާފައިވާ ވާހަކަތަކުގެ މައްޗަށް ދުސްތޫރީ ނަޒަރަކުން ބެލިއިރު އަންނަނިވި ކަންކަން ފާހަގަކުރެވިފައިވެއެވެ.

(ހ) ފުރަތަމަ ކަމަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ ދެވަނަ ބާބުގައި ބަޔާންކޮށްފައިވާ އެންމެހައި ޙައްޤުތަކާއި މިނިވަންކަން ކަށަވަރުކުރަމުން ޤާނޫނުއަސާސީގެ 16 ވަނަ މާއްދާގެ ޞަރީޙަ ނައްޞުގައި "މި ބާބުގައި ބަޔާންކޮށްފައިވާ އެންމެހައި ޙައްޤުތަކާއި މިނިވަންކަން އިސްލާމްދީނުގެ އަޞްލަކާ ޚިލާފު ނުވާނޭ ގޮތުގެމަތިން ކޮންމެ މީހަކަށްމެ ލިބިގެންވާކަން މި ޤާނޫނުއަސާސީން ކަށަވަރުކޮށްދެއެވެ. އަދި މިއިން އެއްވެސް ޙައްޤެއް ނުވަތަ މިނިވަންކަމެއްގެ އެއްވެސް މިންވަރެއް ހިފެހެއްޓޭނީ މި ޤާނޫނުއަސާސީއާ ތަޢާރުޟުނުވާ ގޮތެއްގެމަތީން، ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނަކުންނެވެ. ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނަކުން ވެސް އެއިން ޙައްޤެއް ނުވަތަ މިނިވަންކަމެއްގެ އެއްވެސް މިންވަރެއް ހިފެހެއްޓޭނީ، މިނިވަން، ދީމިޤްރާޠީ މުޖްތަމަޢެއްގައި މިފަދަ ޙައްޤެއް ނުވަތަ މިނިވަންކަމެއް ހިފެހެއްޓިދާނެކަމަށް ޤަބޫލުކުރެވޭ މިންވަރަކަށެވެ." މިފަދައިން ބަޔާންކުރުމަށްފަހު، އެ މާއްދާގެ (ށ) ގައި "އިސްލާމްދީނުގެ އަޞްލުތައް ރައްކާތެރިކޮށް ދެމެހެއްޓުމަށްޓަކައި، މި ބާބުގައި ބަޔާންކޮށްފައިވާ ޙައްޤެއް ނުވަތަ މިނިވަންކަމެއް މި ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނަކުން ހިފެހެއްޓުމަކަށް މި މާއްދާގެ (ހ) ހުރަހެއް ނާޅައެވެ." މިފަދައިން ކަނޑައަޅައި ބަޔާންކޮށްފައިވާކަން އެނގެން އޮންނަކަމެވެ.

(ށ) ދެވަނަ ކަމަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގައި ކަނޑައަޅައި ބަޔާންކޮށްފައިވާ ރައްޔިތުންގެ އަސާސީ ޙައްޤުތަކާއި މިނިވަންކަން އެއްވެސް މިންވަރަކަށް ޤައިދުކުރެވޭނީ އިސްވެ އިޝާރާތްކުރެވުނު ޤާނޫނުއަސާސީގެ 16 ވަނަ މާއްދާގައި ކަނޑައަޅާފައިވާ އުޞޫލުތަކުގެ މަތިންކަމާ، މިގޮތުން، ބުނެވިދިޔަ ޙައްޤުތަކާއި މިނިވަންކަން ހިފެހެއްޓޭނީ ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނަކުންކަމާއި، ރައްޔިތުންގެ މަޖިލީހުން ފާސްކުރާ އެފަދަ ޤާނޫނަކީ ޤާނޫނުއަސާސީއާ ތަޢާރުޟުނުވާ ގޮތެއްގެމަތިން ފާސްވާ ޤާނޫނަކަށް ވާންޖެހޭކަމާއި، ޤާނޫނުއަސާސީއާ ތަޢާރުޟުނުވުމަކީ ޤާނޫނުއަސާސީގެ ޞަރީޙަ ނައްޞަކާ ނުވަތަ ޤާނޫނުއަސާސީން ޤާއިމުކޮށްފައިވާ ދުސްތޫރީ މަބްދައަކާވެސް ތަޢާރުޟު ނުވުންކަމާ، މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނަކުންވިއަސް ރައްޔިތުންގެ އަސާސީ ޙައްޤެއް ނުވަތަ މިނިވަންކަމެއް ހިފެހެއްޓޭނީ، މިނިވަން ދީމިޤްރާޠީ މުޖްތަމަޢެއްގައި މިފަދަ ޙައްޤެއް ނުވަތަ މިނިވަންކަމެއް ހިފެހެއްޓިދާނެކަމަށް ޤަބޫލުކުރެވޭ މިންވަރަކަށް ކަމާއި، މިނިވަން ދީމިޤްރާޠީ މުޖްތަމަޢެއްގައި ރައްޔިތުންގެ އަސާސީ ޙައްޤެއް ނުވަތަ މިނިވަންކަމެއް ހިފެހެއްޓިދާނެކަމަށް ޤަބޫލުކުރެވޭ މިންވަރު ކަނޑައެޅުމުގައި، ހިފަހައްޓަން ބޭނުންވާ ޙައްޤު ނުވަތަ މިނިވަންކަން ދީމްޤުރާޠީ މުޖްތަމަޢުތަކުގައި ހިފެހެއްޓުމުގައި ރިޢާޔަތްކޮށްފައިވާ ޤާނޫނީ އަސާސްތަކަށް ބަލައި ވަޒަންކުރުމުގައި، ޤާނޫނުއަސާސީގެ 16 ވަނަ މާއްދާގެ (ނ) ގައި ބުނެފައިވާ ކަންތައްތަކަށް ރިޢާޔަތްކުރަންވާނެ ކަމާއި، ޤާނޫނުއަސާސީގެ 16 ވަނަ މާއްދާގެ (ނ) އަށް ބަލާއިރު، ޤާނޫނުއަސާސީގެ ދެވަނަ ބާބުގައި ބަޔާންކޮށްފައިވާ ޙައްޤެއް ނުވަތަ މިނިވަންކަމެއްގެ އެއްވެސް މިންވަރެއް ހިފަހައްޓާފައިވަނީ އެ މާއްދާގެ (ހ) އާއި (ށ) ގައިވާ ގޮތުގެމަތިންތޯ ކަނޑައެޅުމުގައި ކޯޓުން އެކަމަކާ ގުޅޭ ހުރިހައި ކަންތަކަށް ފުރިހަމައަށް ރިޢާޔަތްކުރާންވާނެ ކަމަށާއި، އޭގެ ތެރޭގައި އެ ޙައްޤެއްގެ ނުވަތަ އެ މިނިވަންކަމެއްގެ ޒާތާއި ބާވަތާއި، އެ ޙައްޤެއް ނުވަތަ އެ މިނިވަންކަމެއް ހިފެހެއްޓުމުގެ ބޭނުމާއި، މުހިންމުކަމާއި، އެ ޙައްޤެއް ނުވަތަ އެ މިނިވަންކަމެއް ހިފަހައްޓާފައިވާ ގޮތާއި މިންވަރާއި، އެ ޙައްޤެއް ނުވަތަ އެ މިނިވަންކަމެއް ހިފެއްހެއްޓި ހިފެހެއްޓުމާ އެ ޙައްޤެއް ނުވަތަ އެ މިނިވަންކަމެއްގެ މުހިންމުކަމާ ހުރި ގުޅުމާއި، އެ ޙައްޤެއް ނުވަތަ އެ މިނިވަންކަމެއް ހިފަހައްޓާފައިވާ މިންވަރަށްވުރެ ކުޑަކޮށް ހިފަހައްޓައިގެން ބޭނުންވާ މަޤްޞަދު ޙާޞިލުކުރެވިދާނެތޯ އާއި، އެ ޙައްޤެއް ނުވަތަ އެ މިނިވަންކަމެއް ހިފަހައްޓައިފައިވަނީ ޤާނޫނުއަސާސީގެ 16 ވަނަ މާއްދާގެ (ށ) ގެ ދަށުން ނަމަ، އިސްލާމްދީނުގެ އަޞްލުތައް ރައްކާތެރިކުރުމަށްޓަކައި އެ ޙައްޤެއް ނުވަތަ އެ މިނިވަންކަމެއް ކޮންމެހެން ހިފަހައްޓާންޖެހޭތޯ އާއި މިކަންތައްތައް ހިމެނިގެންވާކަން އެނގެން އޮންނަކަމެވެ.

(ނ) ތިންވަނަ ކަމަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 26 ވަނަ މާއްދާގެ (ށ) ގެ ދަށުން ލިބިދީފައިވާ އިންތިޚާބުތަކުގައި އެކިއެކި މަޤާމުތަކަށް ކުރިމަތިލުމުގެ ޙައްޤު ބޭނުންކުރެވޭ ދެ ގޮތެއްވާ ކަމަށާއި، އެއީ އަމިއްލަ ގޮތުން ނުވަތަ ސިޔާސީ ޕާޓީއެއްގެ ޓިކެޓުގައި އިންތިޚާބުތަކުގައި ވާދަކުރުންކަން ޤާނޫނު ނަންބަރު 11/2008 (އިންތިޚާބުތަކާބެހޭ ޢާއްމު ޤާނޫނު) އިން އެނގެން އޮންނަ ކަމަށާއި، އިސްވެދިޔަ ދެ ގޮތުންކުރެ ސިޔާސީ ޕާޓީއެއްގެ ޓިކެޓުގައި ޢާއްމު އިންތިޚާބެއްގައި ވާދަކުރުމަށް އެދޭ ފަރާތްތަކަށް އެފަރާތަކުން އިޚްތިޔާރުކުރާ ސިޔާސީ ޕާޓީގެ ޓިކެޓު ލިބޭނީ އެ ޕާޓީއެއްގެ ދާޚިލީ ޕްރައިމަރީއަކުން ކަމުގައިވާނަމަ އެ ޕާޓީއެއްގެ ޓިކެޓުގައި ޢާއްމު އިންތިޚާބެއްގައި ވާދަކުރުމަށް ނިންމާ ފަރާތްތަކަށް ހިނގާނީ ޕްރައިމަރީގެ އުޞޫލުތައް ކަމަށާއި، ސިޔާސީ ޕާޓީގެ ޤާނޫނުގެ 10 ވަނަ މާއްދާގެ ދަށުން ޕާޓީއެއްގެ ޕްރައިމަރީއެއްގައި ވާދަކޮށްފައިވާ މެންބަރަކު އެ އިންތިޚާބެއްގައި އެހެން އެއްވެސް ހައިސިއްޔަތަކުން ވާދަނުކުރެވުމަކީ އިންތިޚާބުތަކުގައި އެކިއެކި މަޤާމުތަކަށް ކުރިމަތިލުމަށް ޤާނޫނުއަސާސީގެ 26 ވަނަ މާއްދާގެ (ށ) ގެ ދަށުން ލިބިފައިވާ ޙައްޤު ހަނިކުރީކަމުގައި ބެލެވޭނެކަމެއް ނޫންކަމަށާއި، ސަބަބަކީ ސިޔާސީ ޕާޓީއެއްގެ ޕްރައިމަރީގައި ވާދަކުރުމަކީވެސް ޤާނޫނުއަސާސީގެ 26 ވަނަ މާއްދާގެ (ށ) ގެ ދަށުން ލިބިދޭ ޙައްޤުގެ ބޭނުންކުރި ކުރުމެއްކަމުގައި ބަލަންޖެހޭކަމެއް ކަމަށްބުނެ، ބަންޑާރަނައިބުގެ ފަރާތުން ދައްކާފައިވާ ވާހަކަތަކުގެ މައްޗަށް ބަލާއިރު، ޢާންމު އިންތިޚާބުތަކުގައި ސިޔާސީ ޕާޓީތައް ތަމްޘީލުކުރާނޭ ކެންޑިޑޭޓުން އިޚްތިޔާރުކުރުމަށްޓަކައި ޕާޓީތަކުން ބާއްވާ ދާޚިލީ ޕްރައިމަރީތަކުގައި ވާދަކުރުމަކީ ޙަޤީޤަތުގައި ޤާނޫނުއަސާސީގެ 30 ވަނަ މާއްދާގެ (ހ) އިން ކަށަވަރުކޮށްދީފައިވާ ސިޔާސީ ޕާޓީ އުފައްދައި، ހިންގައި، ޕާޓީތަކުގެ ޙަރަކާތްތަކުގައި ބައިވެރިވުމުގެ ޙައްޤުގެ ތެރޭގައި ޝާމިލުވެގެންވާ ކަމެއްކަމާއި، ސިޔާސީ ޕާޓީތަކުން ބާއްވާ ދާޚިލީ ޕްރައިމަރީއަކީ ޤާނޫނުއަސާސީގައި ނުވަތަ ޤާނޫނުގައި ބުނެފައިވާ ޢާންމު އިންތިޚާބުތަކަށް، ޕާޓީގެ ނަމުގައި ކެންޑިޑޭޓުން ކުރިމަތި ލެއްވުމަށާއި، އެފަދަ އިންތިޚާބުތަކުގައި ސިޔާސީ ޕާޓީތަކުގެ ނަމުގައި ވާދަކުރެވޭނެ އިންތިޒާމު ސިޔާސީ ޕާޓީތަކުގެ ޤާނޫނާ އެއްގޮތްވާ ގޮތުގެމަތިން ހަމަޖެއްސުމަށް ބާއްވާ ޕްރައިމަރީއެއް ކަމުގައިވާނަމަ، އެފަދަ ޕްރައިމަރީއެއްގައި ވާދަކުރުމަކީ އެއްވެސް ޙާލެއްގައި ޤާނޫނުއަސާސީގެ 26 ވަނަ މާއްދާގެ (ށ) އިން ކަށަވަރުކޮށްދީފައިވާ އިންތިޚާބުތަކުގައި އެކިއެކި މަޤާމުތަކަށް ކުރިމަތިލުމުގެ ޙައްޤުގެ ބޭނުން ހިފުން ކަމުގައި ބަލާނެ އެއްވެސް ދުސްތޫރީ އަސާސެއް ނެތްކަން އެނގެން އޮންނަކަމެވެ.

(ރ) ހަތަރުވަނަ ކަމަކީ، ޢާއްމު އިންތިޚާބެއްގައި ސިޔާސީ ޕާޓީއެއްގެ ޓިކެޓު ހޯދުމަށް އެ ޕާޓީގެ ޕްރައިމަރީގައި ވާދަކޮށް ނާކާމިޔާބުވެފައިވާ މެންބަރަކު އެ އިންތިޚާބެއްގައި އެހެން އެއްވެސް ހައިސިއްޔަތަކުން ވާދަކުރުން މަނާކުރާ އުޞޫލަކީ މިނިވަން ދީމިޤްރާޠީ މުޖުތަމަޢުތަކުގައިވެސް ޢަމަލުކުރާ އުޞޫލެއް ކަމަށާއި، މިގޮތުން، ޕްރައިމަރީއަކުން ބަލިވާ ކެންޑިޑޭޓަކު ޢާއްމު އިންތިޚާބުގައި އެއްވެސް ސިފައެއްގައި ވާދަނުކުރެވޭނެ ގޮތަށް އެމެރިކާގެ 47 (ސާޅީސް ހަތެއް) ސްޓޭޓްގެ ޕްރައިމަރީއާބެހޭ ޤާނޫނުތައް ބައްޓަންކުރެވިފައިވާ ކަމަށާއި، އެހެންކަމުން ޤާނޫނުއަސާސީގެ 26 ވަނަ މާއްދާގެ (ށ) ގައި ބަޔާންކުރާ ޢާންމު އިންތިޚާބުތަކުގައި މަޤާމުތަކަށް ކުރިމަތިލުމުގެ ޙައްޤު ސިޔާސީ ޕާޓީގެ ޤާނޫނުގެ 10 ވަނަ މާއްދާގެ ދަށުން ހަނިކޮށްފައިވަނީ ޤާނޫނުއަސާސީގެ 16 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ޙުދޫދުގެ ތެރޭގައިކަމަށް ދައުލަތުން ދެކޭކަމަށް ބުނެ ބަންޑާރަނައިބުގެ ފަރާތުން ދައްކާފައިވާ ވާހަކަތަކުގެ މައްޗަށް ނަޒަރުކުރާއިރު، ޢާންމު އިންތިޚާބެއްގައި ސިޔާސީ ޕާޓީއެއްގެ ޓިކެޓު ހޯދުމަށް އެ ޕާޓީގެ ޕްރައިމަރީގައި ބައިވެރިވެ ޕްރައިމަރީ ނާކާމިޔާބުވާ ފަރާތްތަކަށް އެ އިންތިޚާބުގައި އެހެން ސިޔާސީ ޕާޓީއެއްގެ ޓިކެޓުގައި ނުވަތަ އަމިއްލަ ހައިސިއްޔަތުން ބައިވެރި ނުވާގޮތަށް "ސޯރ ލޫޒަރ" ޤާނޫނު (sore loser law) ގެ ނަމުގައި އެމެރިކާގެ ގިނަ ސްޓޭޓްތަކުގައި ޤާނޫނުތައް ފާސްކޮށްފައިވީ ނަމަވެސް، އެމެރިކާގެ ތަފާތު ސްޓޭޓްތަކުގައި ޕްރައިމަރީ އިންތިޚާބުތައް ތަންޒީމުކުރެވިފައިވަނީ ތަފާތު ގޮތްތަކަށް ކަމާއި، މިގޮތުން ބަލާއިރު، "ކްލޯސްޑް ޕްރައިމަރީ" (closed primary) ނުވަތަ ޕާޓީގައި ރަޖިސްޓްރީ ވެފައިވާ މެންބަރުން އެކަނި ޕާޓީ ޕްރައިމަރީގައި ވޯޓު ދޭގޮތަށް ހަމަޖެހިފައިވަނީ 9 ސްޓޭޓެއްގައި ކަމާއި، އުޞޫލެއްގެ ގޮތުން ޕާޓީގައި ރަޖިސްޓްރީ ވެފައިވާ މެންބަރުންނަށް ޕްރައިމަރީގައި ވޯޓުދެވޭގޮތަށް ހަމަޖެހިފައި އޮތުމާއެކު، ޕާޓީގައި ރަޖިސްޓްރީ ވެފައިނުވާ މެންބަރުން ޕާޓީން ކަނޑައަޅާ ބައެއް ޕްރައިމަރީތަކުގައި ވޯޓު ދިނުމަށް ހުޅުވާލުމުގެ އިޚްތިޔާރު ޕާޓީއަށް ލިބިގެންވާގޮތަށް 7 ސްޓޭޓެއްގައި ޕްރައިމަރީގެ ކަންތައް އިންތިޒާމުކުރެވިފައިވާއިރު، ބާކީ ސްޓޭޓްތަކުގައި ޕްރައިމަރީގެ ކަންތައް އިންތިޒާމުކުރެވިފައިވަނީ ޕާޓީގައި ރަޖިސްޓަރީ ވެފައިނުވާ މެންބަރުންނަށްވެސް ޕާޓީ ޕްރައިމަރީގައި ވޯޓު ދެވޭގޮތަށް ހުޅުވައިލެވިގެން ކަމާއި، އަދި 4 ސްޓޭޓެއްގައި، ޕްރައިމަރީގައި ބައިވެރިވާން ބޭނުންވާ ހުރިހައި ކެންޑިޑޭޓުންގެ މެދުގައި ބޭއްވޭ ޢާންމު ޕްރައިމަރީއަކުން އެންމެ މަތިން ވޯޓު ލިބިގެން ހޮވޭ ދެ ކެންޑިޑޭޓުން ޢާންމު އިންތިޚާބުގައި ކުރިމަތިލެވޭގޮތަށް އެ ސްޓޭޓްތަކުގައި ޕްރައިމަރީ އިންތިޒާމުކުރެވިފައިވާއިރު، އެ ސްޓޭޓްތަކުގައި އެއް ޕާޓީއެއްގެ ދެ ކެންޑިޑޭޓުން ޢާންމު އިންތިޚާބުގައި ވާދަކުރުމުގެ އިޙްތިމާލުވެސް ޤާއިމުވެގެންވާކަން އެނގެން އޮންނަކަމާއި، އެމެރިކާގެ ސްޓޭޓްސްތަކާ ޚިލާފަށް ދިވެހިރާއްޖޭގައި ޕާޓީތަކުން ޕްރައިމަރީ ބާއްވާ ޙާލަތުގައި އެ ޕްރައިމަރީތަކަކީ ޕާޓީގައި ރަޖިސްޓަރީކުރެވިފައިވާ މެންބަރުން އެކަނި ޕްރައިމަރީގައި ވޯޓު ދެވޭގޮތަށް އިންތިޒާމުކުރެވޭ ޕްރައިމަރީތަކެއް ކަމާ، މީގެ އިތުރުން، ޢާންމު އިންތިޚާބެއްގައި ސިޔާސީ ޕާޓީގެ ޓިކެޓުގައި ބައިވެރިވާނޭ ކެންޑިޑޭޓުން އިޚްތިޔާރުކުރުމަށް ބާއްވާ ޕްރައިމަރީގައި ނާކިޔާމިބުވާ ކެންޑިޑޭޓުން އެހެން ޕާޓީއެއްގެ ޓިކެޓުގައި ނުވަތަ އަމިއްލަ ގޮތުގައި ނަމަވެސް އެ އިންތިޚާބުގައި ވާދަނުކުރެވޭ ގޮތަށް ކަނޑައެޅުމަކީ ޢާންމު އުޞޫލެއްގެ ގޮތުން މިޒަމާނުގެ ދީމިޤްރާޠީ މުޖްތަމަޢުތަކުން ބަލައިގެންފައިވާ އުޞޫލެއް ނޫންކަމާއި، އެ އުޞޫލު އެމެރިކާގެ ގިނަ ސްޓޭޓްތަކުގައި ރެގިއުލޭޓުކޮށްފައި އޮތްކަމުގައި ވީނަމަވެސް، އެއީ ޚުދު އެމެރިކާގައިވެސް އެ އުޞޫލާ މެދު ގިނަ ބަޙުޘުތަކެއް ކުރެވި އެމެރިކާގެ ދުސްތޫރީ ޢިލްމުވެރިންގެ މެދުގައި އެ އުޞޫލުގެ ދުސްތޫރިއްޔަތުކަމާ މެދު ޚިލާފު އުފެދިފައިވާ އުޞޫލެއްކަމާއި، އަދި ހަމަ އެހެންމެ އެ އުޞޫލުގެ ދުސްތޫރިއްޔަތުކަމާ މެދު އެމެރިކާގެ ކޯޓުތަކުގައި ޠަޢުނުކުރެވި، އެއީ ޣައިރު ދުސްތޫރީ އުޞޫލެއްކަމަށް ކޯޓުތަކުގެ ޑިސެންޓް އޮޕީނިއަންތަކުގައި ފާހަގަކޮށްފައިވާ ކަމާއި، އެ އުޞޫލާ ބެހޭގޮތުން ކުރެވިފައިވާ ތަފާތު ޢިލްމީ ދިރާސާތަކަށް ބަލާއިރު، އެ އުޞޫލަކީ އެމެރިކާގައި ބޮޑު ދެ ޕާޓީގެ ނިޒާމު؛ އެއީ ލިބެރަލް ފިކްރުގެ ޑިމޮކްރެޓިކް ޕާޓީއާއި، ކޮންޒަރވެޓިވް ފިކްރުގެ ރިޕަބްލިކަން ޕާޓީގެ ނިޒާމު ޕްރޮމޯޓުކޮށް، އެ ނިޒާމު ހަރުދަނާކޮށް ކުޑަ ޕާޓީތަކާއި ސިޔާސީ އެހެން މޮޑަރޭޓް ފިކުރުތައް އެކަހެރިކުރުމަށް ބާރުއަޅާ އުޞޫލެއްކަން ބުނެވިދިޔަ ދިރާސާތަކުން އިސްތިޚްލާޞް ކުރެވެން އޮންނައިރު، ދިވެހިރާއްޖޭގައި ޤާއިމުވެގެންވާ ސިޔާސީ ޕާޓީގެ ނިޒާމަކީ އެމެރިކާއެކޭ އެއްގޮތަށް އަސާސީގޮތަކަށް ބޮޑު ދެ ޕާޓީއެއްގެ ސިޔާސީ ފިކުރުގެ މައްޗަށް ޤާއިމުވެގެންވާ ނިޒާމެއް ނޫންކަމާއި، އެއާ ޚިލާފަށް ދިވެހިރާއްޖޭގައި ޤާއިމުވެގެންވާ ސިޔާސީ ޕާޓީގެ ނިޒާމު ޤާއިމުވެގެންވަނީ ތަފާތު ވިސްނުންތަކާއި ފިކުރުތަކަށް ސިޔާސީ މައިދާނުގައި ޖާގަދޭ، ޚިޔާލުތަފާތުވުމާއެކުވެސް އެކީ އެއްބައެއްގެ ގޮތުގައި ދިވެހި ޤައުމު ދެމިއޮތުމަށް ބާރުއަޅާ، ޤައުމުގެ ސިޔާސީ ޙަޔާތުގައި ވީހާވެސް ގިނަބަޔަކު ބައިވެރިވުމަށް ފުރުޞަތުދޭ، ގިނަ ސިޔާސީ ޕާޓީ އެކުލެވޭ ނިޒާމެއްގެ މައްޗަށްކަން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީންނާއި ޤާނޫނު ނަންބަރު 2013/4 (ސިޔާސީ ޕާޓީގެ ޤާނޫނު) ގެ 3 ވަނަ މާއްދާއިން އެނގެން އޮންނައިރު، ޢާންމު އިންތިޚާބެއްގައި ބައިވެރިވުމަށް ސިޔާސީ ޕާޓީއަކުން ނެރޭ ކެންޑިޑޭޓަކު ހޮވުމަށް ޕާޓީގެ ފަރާތުން ބާއްވާ ޕްރައިމަރީއެއްގައި ނާކާމިޔާބުވާ ފަރާތްތައް ޤާނޫނުއަސާސީގެ 26 ވަނަ މާއްދާގެ (ށ) އިން ލިބިދޭ ޢާންމު އިންތިޚާބުގައި މަޤާމުތަކަށް ކުރިމަތިލުމުގެ އަސާސީ ޙައްޤުން މަޙުރޫމްވެގެން ދިއުމަކީ ދިވެހިރާއްޖޭގެ ޤާނޫނުއަސާސީއާއި ޤާނޫނުތަކުގެ ތަޞައްވުރެއް ނޫންކަމާއި، މީގެ އިތުރުން، އެމެރިކާ ފަދަ ބޮޑު ދެ ޕާޓީއެއްގެ ފިކުރުގެ މައްޗަށް ރައްޔިތުން ބެހިގެންވާ މުޖުތަމަޢެއްގައި ޕްރައިމަރީގައި ޕާޓީގެ ޓިކެޓް ކާމިޔާބުނުކުރެވޭ ފަރާތަކަށް އަމިއްލަ ހައިސިއްޔަތުން ޢާންމު އިންތިޚާބުގައި ކާމިޔާބު ހޯދުމަކީ މުސްތަޙީލު ނުވަތަ ނާދިރުކަމަކަށްވާތީ، އެމެރިކާގައި ބުނެވުނު "ސޯރ ލޫޒަރ" ޤާނޫނުގެ ސަބަބުން ޢާންމު އިންތިޚާބުތައް ތަންޒީމުކުރާ އިދާރާތަކަށް އިދާރީގޮތުން އުފުލަންޖެހޭ ބުރަ ކުޑަވުމަކީ ބުނެވުނު ޤާނޫނުގެ އެއް މަޤުޞަދުކަމުގައި އެމެރިކާގެ އިންތިޚާބާބެހޭ ނިޒާމު ދިރާސާކުރާ މުފައްކިރުން ދެކޭކަމާއި، މީގެ އިތުރުން، އެމެރިކާގައި އިންތިޚާބަކަށް ކެންޑިޑޭޓުން ނެރުމަށް ބާއްވާ ޕްރަމަރީ ނާކާމިޔާބުވާ ކެންޑިޑޭޓުންނަށް އެ އިންތިޚާބުގައި އެހެން ހައިސިއްޔަތަކުން ވާދަކުރުން މަނާކުރާ ބަޔާންވެދިޔަ އުޞޫލަކީ، ޢާންމު އުޞޫލެއްގެ ގޮތުން އެމެރިކާގެ ރިޔާސީ އިންތިޚާބުގައި ތަޠްބީޤުކުރެވޭ އުޞޫލެއް ނޫންކަން އެނގެން އޮންނައިރު، ބުނެވިދިޔަ އުޞޫލު އެމެރިކާގައި ތަޠްބީޤުކުރެވޭ ގޮތާއި، އެމެރިކާގައި އެ އުޞޫލު ތަޠްބީޤުކުރުމުގެ ބޭނުމާއި މަޤުޞަދަކީ ޤާނޫނު ނަންބަރު 2013/4 (ސިޔާސީ ޕާޓީގެ ޤާނޫނު) ގެ 10 ވަނަ މާއްދާގެ ދަށުން އެ އުޞޫލު ދިވެހިރާއްޖޭގައިވެސް ތަޠްބީޤުކުރުމުގެ ބޭނުމާއި މަޤުޞަދުކަން ދައުލަތުގެ ބަންޑާރަނައިބަށް ޘާބިތުކޮށްދެވިފައި ނުވާކަން އެނގޭކަމާއި، އެހެންކަމުން ބަންޑާރަނައިބުގެ ފަރާތުން މި މައްސަލައާ ގުޅިގެން ދައްކާފައިވާ ވާހަކައިގައި، ސިޔާސީ ޕާޓީގެ ޤާނޫނުގެ 10 ވަނަ މާއްދާގައި ޤާނޫނުއަސާސީން ނުވަތަ ޤާނޫނަކުން ބާރުލިބިގެން ބާއްވާ އެއްވެސް އިންތިޚާބެއްގައި ސިޔާސީ ޕާޓީގެ ޓިކެޓް ހޯދުމަށް އެ ޕާޓީގެ ޕްރައިމަރީގައި ވާދަކޮށްފައިވާ މެންބަރަކު، އެ އިންތިޚާބެއްގައި އެހެން އެއްވެސް ހައިސިއްޔަތަކުން ވާދަކުރުން މުޠުލަޤުކޮށް މަނާކޮށްފައި އޮންނަ އޮތުމަކީ ޤާނޫނުއަސާސީގެ 26 ވަނަ މާއްދާގެ (ށ) އިން ކަށަވަރުކޮށްދީފައިވާ އިންތިޚާބުތަކުގައި އެކިއެކި މަޤާމުތަކަށް ކުރިމަތިލުމުގެ އަސާސީ ޙައްޤު ޤައިދުކުރުންކަމުގައި ބެލިނަމަވެސް، އެއީ ޤާނޫނުއަސާސީގެ 16 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން މިނިވަން ދީމިޤްރާޠީ މުޖްތަމަޢެއްގައި އެފަދަ ޙައްޤެއް ހިފެހެއްޓިދާނެކަމަށް ޤަބޫލުކުރެވޭ މިންވަރެއްކަމަށް ބުނެ އެކަން ޘާބިތުކުރުމުގެ ގޮތުން އެމެރިކާގެ ބައެއް ސްޓޭޓްތަކުގައި ޢަމަލުކުރެވޭ ބަޔާންވެދިޔަ "ސޯރ ލޫޒަރ" ޤާނޫނުތަކަށް ޙަވާލާދީ ބަންޑާރަނައިބުގެ ފަރާތުން ފާހަގަކޮށްފައިވާ ކަންތައްތަކަކީ ދުސްތޫރީގޮތުން ޞައްޙަ އަސާސްތަކެއްގެ މައްޗަށް ބިނާކޮށްފައިވާ ކަންތައްތަކެއް ނޫންކަން ޤާނޫނުއަސާސީގެ އިސްވެދިޔަ 16 ވަނަ މާއްދާގެ (ނ) އަށް ރިޢާޔަތްކޮށް ބެލުމުން އެނގެން އޮންނަކަމެވެ.

އިސްވެ ބަޔާންވެދިޔަ ކަންކަމުގެ މައްޗަށް ރިޢާޔަތްކޮށް ބަލާއިރު، ޤާނޫނު ނަންބަރު 2016/28 އިން ޤާނޫނު ނަންބަރު 2013/4 (ސިޔާސީ ޕާޓީގެ ޤާނޫނު) އަށް ގެނެވުނު 3 ވަނަ އިޞްލާޙުގެ ދަށުން އެ ޤާނޫނުގެ 10 ވަނަ މާއްދާގެ (ހ) ގައި "އެހެން ޤާނޫނެއްގައި އެހެން ގޮތަކަށް އޮތްކަމުގައިވީނަމަވެސް، ސިޔާސީ ޕާޓީއެއްގައި ރަޖިސްޓްރީކޮށްފައިވާ މެންބަރަކު، ޤާނޫނުއަސާސީން ނުވަތަ ޤާނޫނަކުން ބާރުލިބިގެން ބާއްވާ އެއްވެސް އިންތިޚާބެއްގައި ސިޔާސީ ޕާޓީގެ ޓިކެޓް ހޯދުމަށް އެ ޕާޓީގެ ޕްރައިމަރީގައި ވާދަކޮށްފައިވާ މެންބަރަކު، އެ އިންތިޚާބެއްގައި އެހެން އެއްވެސް ހައިސިއްޔަތަކުން ވާދަކޮށްގެން ނުވާނެއެވެ." މިފަދައިން ބަޔާންކުރުމަށްފަހު އެ މާއްދާގެ (ށ) ގައި "މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން އިންތިޚާބެއްގައި ސިޔާސީ ޕާޓީގެ ޓިކެޓް ހޯދުމަށްޓަކައި ސިޔާސީ ޕާޓީއެއްގެ ޕްރައިމަރީގައި ވާދަކޮށްފައިވާ މެންބަރަކު، އެ އިންތިޚާބުގައި އެހެން އެއްވެސް ހައިސިއްޔަތަކުން ކެންޑިޑޭޓެއްގެ ގޮތުގައި ކުރިމަތިލުމަށް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅައިފިނަމަ، އެ ކޮމިޝަނުން އެ މީހެއްގެ ކެންޑިޑެސީ ބާޠިލުކުރަންވާނެއެވެ." މިފަދައިން ކަނޑައަޅައި ބަޔާންކޮށްފައިވާއިރު، ސިޔާސީ ޕާޓީގެ ޤާނޫނުގެ ބުނެވިދިޔަ 10 ވަނަ މާއްދާއިން ޤާއިމުކޮށްފައިވާ، އިންތިޚާބެއްގައި ސިޔާސީ ޕާޓީއެއްގެ ޓިކެޓް ހޯދުމަށް އެ ޕާޓީގެ ޕްރައިމަރީގައި ވާދަކޮށް ނާކާމިޔާބުވެފައިވާ އެއްވެސް މެންބަރަކަށް މުޠުލަޤު ގޮތަކަށް އެއްވެސް ސިފައެއްގައި އެ އިންތިޚާބުގައި ވާދަކުރުން މަނާކުރާ އުޞޫލަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 26 ވަނަ މާއްދާގެ (ށ) އިން ކަށަވަރުކޮށްދީފައިވާ އިންތިޚާބުތަކުގައި އެކިއެކި މަޤާމުތަކަށް ކުރިމަތިލުމުގެ އަސާސީ ޙައްޤު ހިފެހެއްޓޭގޮތަށް ޤާއިމުކޮށްފައިވާ އުޞޫލެއްކަން އިސްވެ ބަޔާންވެދިޔަ ނުކުތާތަކުގައި ފާހަގަކުރެވިފައިވާ ޤާނޫނީ ސަބަބުތަކުން އެނގެން އޮންނާތީއާއި، ސިޔާސީ ޕާޓީގެ ޤާނޫނުގެ ބުނެވިދިޔަ 10 ވަނަ މާއްދާއިން ޤާނޫނުއަސާސީގެ 26 ވަނަ މާއްދާގެ (ށ) އިން ލިބިދީފައިވާ އިންތިޚާބުތަކުގައި އެކިއެކި މަޤާމުތަކަށް ކުރިމަތިލުމުގެ އަސާސީ ޙައްޤު ހިފަހައްޓާފައިވަނީ ޤާނޫނުއަސާސީގެ 16 ވަނަ މާއްދާގެ ޙުދޫދުގެ ތެރޭގައި ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އެކަށީގެންވާ މިންވަރަށްކަން ޤާނޫނުއަސާސީގެ 16 ވަނަ މާއްދާގެ (ރ) ގައިވާ ގޮތުގެމަތިން ދައުލަތުގެ ބަންޑާރަނައިބަށް ޘާބިތުކޮށްދެވިފައި ނުވާތީ، ޤާނޫނު ނަންބަރު 2016/28 އިން ޤާނޫނު ނަންބަރު 2013/4 (ސިޔާސީ ޕާޓީގެ ޤާނޫނު) އަށް ގެނެވުނު 3 ވަނަ އިޞްލާޙުގެ ދަށުން އެ ޤާނޫނުގެ 10 ވަނަ މާއްދާއަކީ ޤާނޫނުއަސާސީއާ ޚިލާފު ބާޠިލު މާއްދާއެއްކަން އެނގެއެވެ.

ޙުކުމް:

ދެންފަހެ، އިސްވެ ބަޔާންވެދިޔަ ސަބަބުތައް އެގޮތުގެމަތިން ހުރުމާއެކު، ސިޔާސީ ޕާޓީގެ ޤާނޫނު އަށް 3 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 2016/28) އިން، ޤާނޫނު ނަންބަރު 2013/4 (ސިޔާސީ ޕާޓީގެ ޤާނޫނު) ގެ 9 ވަނަ މާއްދާގެ ފަހަތަށް އެ ޤާނޫނުގެ 10 ވަނަ މާއްދާގެ ގޮތުގައި އިތުރު ކޮށްފައިވާ މާއްދާއަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 17 ވަނަ މާއްދާއިން ކަށަވަރުކޮށްދީފައިވާ ތަފާތުނުކުރުމުގެ އަސާސީ ޙައްޤާއި 20 ވަނަ މާއްދާއިން ކަށަވަރުކޮށްދީފައިވާ ހަމަހަމަކަމުގެ އަސާސީ ޙައްޤާއި، 26 ވަނަ މާއްދާގެ (ށ) އިން ކަށަވަރުކޮށްދީފައިވާ އިންތިޚާބުތަކުގައި އެކިއެކި މަޤާމުތަކަށް ކުރިމަތިލުމުގެ އަސާސީ ޙައްޤާ ތަޢާރުޟުވާ މާއްދާއެއްކަން އެނގެން އޮންނާތީ، ސިޔާސީ ޕާޓީގެ ޤާނޫނުއަށް 3 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 2016/28) އިން، ޤާނޫނު ނަންބަރު 2013/4 (ސިޔާސީ ޕާޓީގެ ޤާނޫނު) ގެ 9 ވަނަ މާއްދާގެ ފަހަތަށް އެ ޤާނޫނުގެ 10 ވަނަ މާއްދާގެ ގޮތުގައި އިތުރުކޮށްފައިވާ މާއްދާއަކީ ބާޠިލު މާއްދާއެއްކަމަށް ކަނޑައަޅައި، މި ކަނޑައެޅުމުގެ ނަތީޖާއެއްގެ ގޮތުން، ސިޔާސީ ޕާޓީއެއްގައި ރަޖިސްޓަރީ ކޮށްފައިވާ މެންބަރަކު، ޤާނޫނުއަސާސީން ނުވަތަ ޤާނޫނަކުން ބާރުލިބިގެން ބާއްވާ އެއްވެސް އިންތިޚާބެއްގައި ސިޔާސީ ޕާޓީގެ ޓިކެޓް ހޯދުމަށް އެ ޕާޓީގެ ޕްރައިމަރީގައި ވާދަކޮށް، އެ ޕްރައިމަރީއެއްގައި ނާކާބިޔާބުވީނަމަވެސް އެ އިންތިޚާބުގައި އަމިއްލަ ގޮތުން، ނުވަތަ ޕްރައިމަރީގައި ވާދަކުރި ސިޔާސީ ޕާޓީނޫން އެހެން ސިޔާސީ ޕާޓީއެއްގެ ކެންޑިޑޭޓެއްގެ ގޮތުގައި ވާދަކުރުމުގެ ޙައްޤު އެމީހަކަށް ލިބިގެންވާތީ، ކުރިއަށް އޮތް "ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2019" ގައި ސިޔާސީ ޕާޓީއެއްގެ ކެންޑިޑޭޓެއްގެ ގޮތުގައި ވާދަކުރުމަށް އެ ޕާޓީގެ ޓިކެޓް ހޯދުމުގެ ގޮތުން އެ ޕާޓީއަކުން ބޭއްވި ޕްރައިމަރީގައި ވާދަކޮށް ނާކާމިޔާބުވެފައިވާ ފަރާތްތަކަށްވެސް އަމިއްލަ ގޮތުން ނުވަތަ ޕްރައިމަރީގައި ވާދަކުރި ސިޔާސީ ޕާޓީނޫން އެހެން ސިޔާސީ ޕާޓީއެއްގެ ކެންޑިޑޭޓެއްގެ ގޮތުގައި އެ އިންތިޚާބުގައި ވާދަކުރުމުގެ ޙައްޤު ލިބިގެންވާކަމަށް ކަނޑައަޅައި، "ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2019" ގައި ސިޔާސީ ޕާޓީއެއްގެ ކެންޑިޑޭޓެއްގެ ގޮތުގައި ވާދަކުރުމަށް އެ ޕާޓީގެ ޓިކެޓް ހޯދުމުގެ ގޮތުން އެ ޕާޓީއަކުން ބޭއްވި ޕްރައިމަރީގައި ވާދަކޮށް ނާކާމިޔާބުވެފައިވާ ފަރާތްތަކުންކުރެ ފަރާތަކުން ބުނެވުނު އިންތިޚާބުގައި ކެންޑިޑޭޓެއްގެ ގޮތުގައި ވާދަކުރުމަށް އެދި އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަންޖެހޭ ހުށަހެޅުން، މީލާދީ ސަނަތުން2019 މާރިޗު މަހުގެ 04 ވަނަ ދުވަހުގެ 16:00 ގެ ކުރިން ހުށަހަޅައިފިނަމަ، އެ ހުށަހެޅުން ބަލައިގަނެ، ހަމަޖެހިފައިވާ ޤާނޫނީ އުޞޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން އެ ހުށަހެޅުމާމެދު ގޮތެއް ނިންމުމަށް އިލެކްޝަންސް ކޮމިޝަންގެ މައްޗަށް އަމުރުކޮށް، މި ޤަޟިއްޔާ ބެލި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމް ކޮށްފީމެވެ.

އުއްތަމަ ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީ ފަނޑިޔާރު ޢަބްދުﷲ ޢަރީފް

ފަނޑިޔާރު އާދަމް މުޙައްމަދު ޢަބްދުﷲ ފަނޑިޔާރު ޢަބްދުﷲ ދީދީ

ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދު

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ޝެއަރ ކުރައްވާ