އަޙްމަދު ޝުޖާޢު ވ. އިލެކްޝަންސް ކޮމިޝަން
ޚުލާޞާ
ޚުލާޞާ ނެތް.
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- —
- ފަހުގެ ތާރީޚު
- —
ނިންމުން
—
ކޯ ޓާމްސް
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
މި ލިޔުމުން އުޞޫލެއް ނުނެގުނު.
ފަނޑިޔާރުން
- ބެންޗު
- —
- ޚިލާފު ރައުޔު
- ނެތް
ޝަރީޢަތުގެ ވީޑިއޯ
ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު
2019/SC-C/21
ޝަރީޢަތް ނިމުނުގޮތް
އަޙްމަދު ޝުޖާޢު ވ. އިލެކްޝަންސް ކޮމިޝަން
ފަނޑިޔާރުންގެ މަޖިލިސް
ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްނިމުނު ތާރީޚު
17 ޖަނަވަރީ 2021މައްސަލަ ރައްދުވާ ފަރާތް
މައްސަލަ ހުށަހެޅި ފަރާތް
އިލެކްޝަންސް ކޮމިޝަން
އަޙްމަދު ޝުޖާޢު
ބަދަލުގައި: އިސްމާޢީލް ޙަބީބް ޢަބްދުއްރަޙީމް، ހ. ނީޓް، މާލެ ޤާނޫނީ ވަކީލު: މަރްޔަމް ޝުނާނާ، ހ. ވެލަސްފަރުގެ، މާލެ
ޤާނޫނީ ވަކީލު: ނޫރުއްސަލާމް އަބޫބަކުރު، ޕެޝާވަރު، ހދ. ކުޅުދުއްފުށި ދުސްތޫރީ މައްސަލަ - ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 26 ވަނަ މާއްދާއާއި 143 ވަނަ މާއްދާ އަދި 172 ވަނަ މާއްދާގެ (ހ) އާއި (ށ) - ޤާނޫނު ނަންބަރު 1/2009 (ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބީ ދާއިރާތައް ކަނޑައެޅުމާބެހޭ ޤާނޫނު) ގެ 13 ވަނަ މާއްދާ - ޤާނޫނު ނަންބަރު 2020/22 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 11 ވަނަ މާއްދާގެ (ހ) ގެ (3) - ޢާންމު މަޞްލަޙަތާ ގުޅިފައިވާ ދުސްތޫރީ މައްސަލަ - ވަކި ފަރާތަކަށް މަންފާ ލިބޭ ގޮތަށް އިންތިޚާބީ ދާއިރާތައް ކަނޑައެޅުމުގެ ޢަމަލުތައް (gerrymandering) - ފުރަތަމަ މަރުޙާލާގެ ކޯޓެއްގެ ގޮތުގައި ހައިކޯޓަށް ހުށަހެޅޭ މައްސަލަތައް`
އަޙްމަދު ޝުޖާޢު ވ. އެލެކްޝަންސް ކޮމިޝަން
ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންގެ ރައުޔު (ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު އަދި ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދު އަދި ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރު ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމް ތާއީދު ކުރައްވާފައި)
ތަޢާރުފު
މި މައްސަލައަކީ، އިލެކްޝަންސް ކޮމިޝަނުން އައްޑޫ ސިޓީގެ އިންތިޚާބީ ދާއިރާތައް ކަނޑައަޅައި ނިންމާފައިވަނީ ދިވެހިރާއްޖޭގެ ޖުމްހޫއްރިއްޔާގެ ޤާނޫނުއަސާސީ އާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބީ ދާއިރާތައް ކަނޑައެޅުމާބެހޭ ޤާނޫނާ ޚިލާފަށް ކަމަށް ބުނެ، އެ ނިންމުން ޤާނޫނުއަސާސީ އާއި ޤާނޫނާ ޚިލާފު ކަމަށް ކަނޑައަޅައި ދިނުމަށާއި، މަރަދޫފޭދޫ ވަކި އިންތިޚާބީ ދާއިރާއެއްގެ ގޮތުގައި ކަނޑައަޅައި ދިނުމަށާއި، މީދޫ ވެސް ވަކި އިންތިޚާބީ ދާއިރާއެއްގެ ގޮތުގައި ކަނޑައަޅައި ދިނުމަށާއި، ނުވަތަ މަރަދޫފޭދޫ އާއި މީދޫގެ ރައްޔިތުންގެ އިންތިޚާބީ ޙައްޤުތައް ޙިމާޔަތް ކުރެވޭނެ ގޮތަށް، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބީ ދާއިރާތައް ކަނޑައެޅުމާބެހޭ ޤާނޫނާގައިވާ އުޞޫލުތަކާ އެއްގޮތަށް އައްޑޫ ސިޓީގެ އިންތިޚާބީ ދާއިރާތައް ކަނޑައަޅައި ދިނުމަށް އިލެކްޝަންސް ކޮމިޝަނުގެ މައްޗަށް އަމުރުކޮށް ދިނުމަށް އެދި، އަޙްމަދު ޝުޖާޢު (ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑް ނަންބަރު: (މީގެފަހުން "އަޙްމަދު ޝުޖާޢު" ނުވަތަ "މައްސަލަ ހުށަހެޅި ފަރާތް" ބުނެފައިވާ ފަރާތުން) ސުޕްރީމް ކޯޓަށް ހުށަހެޅުމުން، ސުޕްރީމް ކޯޓުން ބަލާފައިވާ މައްސަލައެކެވެ. މި މައްސަލަ ރައްދުވާ ފަރާތަކީ އިލެކްޝަންސް ކޮމިޝަން (މީގެފަހުން "މައްސަލަ ރައްދުވާ ފަރާތް" ނުވަތަ "އިލެކްޝަންސް ކޮމިޝަން" ކަމަށް ބުނެފައިވާ ފަރާތް) އެވެ.
މައްސަލަ ހުށަހެޅި ފަރާތުން މި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވަނީ، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 11 ވަނަ މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރުގެ ދަށުން، ޤައުމުގެ ޢާންމު މަޞްލަޙަތާ ގުޅިފައިވާ ދުސްތޫރީ މައްސަލައެއްގެ ގޮތުގައެވެ.
މައްސަލައިގައި ކަން ހިނގާފައިވާގޮތް
މައްސަލައިގައި ކަން ހިނގާފައިވާ ގޮތް ކަމަށް ބުނެ މައްސަލަ ހުށަހެޅި ފަރާތުން މައްސަލަ ހުށަހެޅިއިރު ފާހަގަކޮށްފައިވާ މައިގަނޑު ކަންތައްތަކަކީ:
އިލެކްޝަންސް ކޮމިޝަނުން އައްޑޫ ސިޓީގެ އިންތިޚާބީ ދާއިރާތައް ކަނޑައެޅުމުގައި އެ ސިޓީގެ ވަކިވަކި އަވަށްތަކަކީ ވަކި "ރަށް" ތަކެއް ކަމަށް ބަލައި، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބީ ދާއިރާތައް ކަނޑައެޅުމާބެހޭ ޤާނޫނުގައި ވަކި ރަށްތައް ގުޅުވުމާއި ވަކިކުރުމާގުޅޭ ގޮތުން ބަޔާންކޮށްފައިވާ މާއްދާތަކަށް ޙަވާލާދީ، 2013 ވަނަ އަހަރު އިންތިޚާބީ ދާއިރާތައް ކަނޑައަޅާފައިވާ ކަމަށާއި، މި ނިންމުން ނިންމާފައިވަނީ އައްޑޫ ސިޓީ އިދާރީގޮތުންނާއި އިޖުތިމާޢީގޮތުން ބެހިފައިވާގޮތަށް ބަލައި ހަރުދަނާ ދިރާސާއެއް ކުރުމެއްނެތި، އައްޑޫ ސިޓީގެ ރައްޔިތުންގެ ޚިޔާލާއި މަޝްވާރާ ހޯދުމެއް ނެތި ކަމަށެވެ.
އިންތިޚާބީ ދައުރު ހަމަވުމުން، ދާއިރާތަށް މުރާޖަޢާ ކުރުމަށް 2018 ވަނަ އަހަރު ލިބުނު ފުރުސަތުގައި އިލެކްޝަންސް ކޮމިޝަނުން އައްޑޫ ސިޓީއަށް ޒިޔާރަތްކޮށް ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯދުމަށްފަހު، 2013 ގެ ނިންމުން ބަދަލު ކުރުމަށް ގިނަ ރައްޔިތުން އެދިއެދި ތިއްބައި، 2013 ގެ ނިންމުމަށް ބަދަލު ގެންނަން ނުޖެހޭ ކަމަށް 05 ނޮވެންބަރު 2018 ގައި ނިންމާފައިވާ ކަމަށެވެ.
އެ މީހަކު އަމިއްލައަށް ނުވަތަ އެ މީހަކު މިނިވަންކަމާއެކު އިޚްތިޔާރުކުރާ މަންދޫބުން މެދުވެރިކޮށް ރައްޔިތުންގެ ކަންތައްތައް ހިންގުމުގައި ބައިވެރިވުމަކީ އުމުރުން 18 (އަށާރަ) އަހަރުން މަތީގެ ކޮންމެ ރައްޔިތެއްގެ ޙައްޤެއް ކަމަށް ޤާނޫނުއަސާސީގެ 26 ވަނަ މާއްދާގެ (ނ) ގައި ބަޔާން ކޮށްފައިވާކަމަށާއި، މަރަދޫފޭދޫ އާއި މީދޫ އެއްކޮށް، އެއީ އެއް އިންތިޚާބީ ދާއިރާއެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ އެ ދެ ރަށުގެ ރައްޔިތުންނަށް ޤާނޫނުއަސާސީން ދީފައިވާ ބުނެވިދިޔަ ޙައްޤު ހަނިވާ ގޮތަށް ކަމަށެވެ.
ޤާނޫނުގައި ވަކި ގޮތަކަށް ވަކި ކަންތައްތަކެއް ކުރުމަށް، އަދި ދާއިރާތައް ބެހުމުގައި ވަކި ކަންތައްތަކަކަށް ރިޢާޔަތްކުރުމަށް އިލެކްޝަންސް ކޮމިޝަނުގެ މައްޗަށް ލާޒިމުކޮށްފައިވަނީ ވަކި ފަރާތަކަށް މަންފާ ލިބޭ ގޮތަށް އިންތިޚާބީ ދާއިރާތައް ކަނޑައެޅުމުގެ ޢަމަލުތައް (gerrymandering) ހުއްޓުވައި، ޤާނޫނުއަސާސީގެ 26 ވަނަ މާއްދާގެ (ނ) ގައިވާ ޙައްޤު ކަށަވަރު ކުރުމަށް ކަމަށާއި، gerrymandering އަކީ ސިޔާސީ ވަކި ބަޔަކަށް ފައިދާވާގޮތަށް އިންތިޚާބީ ދާއިރާ ކަނޑައެޅުން ކަމަށާއި، ޞައްޙަ ޤާނޫނީ ޙުއްޖަތެއް ނެތި ކުރިން އިންތިޚާބީ ދާއިރާތައް ބަހާފައިވާގޮތް ބަދަލުކޮށް، ޤާނޫނުގައި ކަނޑައަޅާފައިވާ އުޞޫލުތަކާ ޚިލާފަށް އިންތިޚާބީ ދާއިރާތައް 2013 ގައި ކަނޑައެޅުމަކީ gerrymandering ގެ ޢަމަލެއްކަމުގައި ބެލެވިދާނެކަމަށެވެ.
މަރަދޫފޭދޫ އާއި މީދޫ ދާއިރާ އެއްކޮށް އިންތިޚާބީ އެއް ދާއިރާއެއްގެ ގޮތުގައި ބޭއްވުމަށް 2013 ވަނަ އަހަރު ނިންމި ނިންމުން ބަދަލު ނުކުރުމަށް، އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވަނީ ޤާނޫނުއަސާސީގެ 26 ވަނަ މާއްދާގެ (ނ) އާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބީ ދާއިރާތައް ކަނޑައެޅުމާބެހޭ ޤާނޫނާ ޚިލާފަށް ކަމަށެވެ.
މައްސަލަ ރައްދުވާ ފަރާތުން ހުށައެޅި އިޖުރާއީ އިޢުތިރާޟް
މި މައްސަލައަކީ، ޤާނޫނުއަސާސީގެ 172 ވަނަ މާއްދާގެ (ހ) އާއި (ށ) އާއި، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބީ ދާއިރާތައް ކަނޑައެޅުމާބެހޭ ޤާނޫނުގެ 13 ވަނަ މާއްދާގެ ދަށުން ހައިކޯޓަށް ހުށަހަޅަންޖެހޭ މައްސަލައެއް ކަމަށާއި، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 11 ވަނަ މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރުގެ ދަށުން، ދުސްތޫރީ މައްސަލައެއްގެ ގޮތުގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅޭނެ މައްސަލައެއް ނޫން ކަމަށް ބުނެ، މައްސަލަ ރައްދުވާ ފަރާތުން އިޖުރާއީ އިޢުތިރާޟެއް ހުށަހަޅަމުން، އަންނަނިވި ކަންކަން ފާހަގަކޮށްފައިވެއެވެ.
މި މައްސަލަ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވަނީ ޤާނޫނުއަސާސީގެ 172 ވަނަ މާއްދާގެ (ހ) އާއި (ށ) އާ ޚިލާފުވާ ގޮތަކަށް ކަމަށާއި، އޭގެ ސަބަބަކީ، މި މައްސަލަ ހުށަހެޅި ފަރާތުން ސުވާލު އުފައްދައި ހުށަހަޅާފައިވާ ކަންބޮޑުވުންތައް އަމާޒުވަނީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބީ ދާއިރާތައް ކަނޑައަޅައި އިލެކްޝަންސް ކޮމިޝަނުން އިޢުލާންކުރި ރިޕޯޓެއްގެ މައްޗަށް ކަމަށްވެފައި، ހުށަހެޅިފައިވާ ޝަކުވާއަކީ އިންތިޚާބީ ޝަކުވާއެއްކަން ބުނެވިދިޔަ މާއްދާއިން އެނގޭތީ ކަމަށެވެ.
ކޮންމެ އިންތިޚާބަކާ ގުޅިގެން ވެސް އިލެކްޝަންސް ކޮމިޝަނުން ނިންމާ ނިންމުމަކާމެދު، އެ ނިންމުމެއް ޤާނޫނުއަސާސީއާ ޚިލާފުވެގެން ނުވަތަ ޤާނޫނަކާ ޚިލާފުވެގެން ޝަކުވާއެއް އޮތްނަމަ، އެ ޝަކުވާއަކާމެދު ގޮތެއް ނިންމައިދިނުމަށް އެދި އެ ފަރާތަކުން ހައިކޯޓަށް ހުށަހެޅިދާނެކަން ޤާނޫނުއަސާސީގެ 172 ވަނަ މާއްދާއަށް ބެލުމުން އެނގޭ ކަމަށާއި، މި މައްސަލައިގައި ވާހަކަ ދެކެވޭ ކަންތައްތައް ވާހަކަ ދެކެވޭގޮތުގެ މަތިން ހުރުމުން، މި މައްސަލައަކީ ހައިކޯޓަށް ހުށަހެޅިދާނެ މައްސަލައެއްކަން ޤާނޫނުއަސާސީގެ 172 ވަނަ މާއްދާގެ (ހ) އިން އެނގޭ ކަމަށެވެ.
މި މައްސަލައިގައިވާ ޝަކުވާއަކީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބީ ދާއިރާތައް ކަނޑައެޅުމާބެހޭ ގޮތުން އިލެކްޝަންސް ކޮމިޝަނުން އެގޮތަށް ކަނޑައަޅައި އިޢުލާންކުރި ރިޕޯޓާގުޅިގެން ހުށަހަޅާ ޝަކުވާއެއް ކަމަށާއި، އެ ރިޕޯޓާ ގުޅިގެން ޝަކުވާކުރުމުގެ އިޖުރާއަތު ވަރަށް ތަފުޞީލުކޮށް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބީ ދާއިރާތައް ކަނޑައެޅުމާބެހޭ ޤާނޫނުގެ 13 ވަނަ މާއްދާގައި ބަޔާންވެގެންވާ ކަމަށާއި، އެންމެ ފުރަތަމަ ނެރޭނީ ވަގުތީ ރިޕޯޓެއް ކަމަށާއި، 2019 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބީ ދާއިރާތައް ކަނޑައަޅައި ނެރެފައިވާ ވަގުތީ ރިޕޯޓު ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރެވުނީ 02 އޮކްޓޫބަރު 2018 ގައި ކަމަށާއި، ޤާނޫނުގައި ބުނާގޮތުގެ މަތިން އެ ރިޕޯޓާ ގުޅިގެން ޝަކުވާ ހުށަހެޅުމަށް 21 އޮކްޓޫބަރު 2018 ގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށާއި، އެ ޤާނޫނުގައި ބުނާގޮތުގެ މަތިން އެއްވެސް ޝަކުވާއެއް ހުށަހެޅިފައި ނުވާކަމަށާއި، ފައިނަލް ރިޕޯޓު 05 ނޮވެންބަރު 2018 ގައި އިޢުލާންކުރެވުނު ކަމަށާއި، ވަގުތީ ރިޕޯޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އޮންނަކަމަށާއި، އެ ޝަކުވާއާ ގުޅިގެން އިލެކްޝަންސް ކޮމިޝަނުން ނިންމާ ނިންމުމަކާ ގުޅިގެން ހިތްހަމަނުޖެހޭނަމަ، ހުށަހަޅަން ޖެހޭނީ ހައިކޯޓަށް ކަމަށް ޤާނޫނުގެ 13 ވަނަ މާއްދާގައި ބުނެފައިވާ ކަމަށެވެ.
އިޖުރާއީ އިޢުތިރާޟަށް މައްސަލަ ހުށަހެޅި ފަރާތުން ދީފައިވާ ރައްދު
އިޖުރާއީ އިޢުތިރާޟަށް ރައްދު ދެމުން މައްސަލަ ހުށަހެޅި ފަރާތުން މައިގަނޑު ގޮތެއްގައި ބުނެފައިވަނީ މި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުމުގެ ކުރިން ހައިކޯޓަށް މި މައްސަލަ ހުށަހެޅި ކަމަށާއި، މި މައްސަލަ ބެލުމުގެ އިޚްތިޞާޞް ހައިކޯޓަށް ލިބިގެން ނުވާކަމަށް ބުނެ ހައިކޯޓުން މައްސަލަ ބާޠިލުކުރި ކަމަށާއި، މައްސަލަ ސިވިލް ކޯޓަށް ހުށަނޭޅީ ކީއްވެގެންތޯ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ސުވާލުކޮށްފައިވާތީ މައްސަލަ ސިވިލް ކޯޓަށް ވެސް ހުށަހެޅި ކަމަށާއި، އެ ކޯޓުން ވެސް މައްސަލަ ބާޠިލުކުރި ކަމަށާއި، މައްސަލަ ހުށަހެޅި ފަރާތުން ދެކެނީ މި މައްސަލައަކީ ޢާންމު މަޞްލަޙަތާ ގުޅުން ހުރި މައްސަލައެއްގެ ގޮތުގައި ކަމަށާއި، މިއީ އައްޑޫ ސިޓީގެ އިންތިޚާބީ ދާއިރާތައް ކަނޑައެޅުމާގުޅޭ މައްސަލައެއް ނަމަވެސް، އިންތިޚާބީ ދާއިރާތަކުން ހޮވޭ މެންބަރުން ނިންމަން ތިބޭނީ މުޅި ޤައުމާގުޅޭ ނިންމުންތައް ކަމުން، މި މައްސަލައަކީ ސުޕްރީމް ކޯޓުގެ އަޞްލީ އިޚްތިޞާޞް އޮތް ޢާންމު މަޞްލަޙަތާގުޅޭ ދުސްތޫރީ މައްސަލައެއް ކަމަށް މައްސަލަ ހުށަހެޅި ފަރާތުން ދެކޭކަމަށް ބުނެފައިވާކަން ފާހަގަކުރެވޭ ކަމަށެވެ.
މި މައްސަލަ މީގެ ކުރިން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން، ހައިކޯޓުގެ ނަންބަރު 2019/HC-DM/01 ޤަޟިއްޔާ އިން އެ މައްސަލަ ބަލާފައިވެއެވެ.
ހައިކޯޓުގެ ނަންބަރު 2019/HC-DM/01 ޤަޟިއްޔާއިން ނިންމިގޮތް
އައްޑޫ ސިޓީގެ އިންތިޚާބީ ދާއިރާތައް ކަނޑައެޅުމާގުޅޭ ގޮތުން ސުޕްރީމް ކޯޓަށް ހުށަހެޅި މި މައްސަލަ، ހަމަ މި ސަބަބުތަކުގެ މައްޗަށް ބިނާކޮށް، ހައިކޯޓަށް އިޚްތިޞާޞް ލިބޭ ދުސްތޫރީ މައްސަލައެއް ކަމަށް ބުނެ، އެ ކޯޓަށް 28 ނޮވެންބަރު 2018 ގައި ހުށަހަޅާފައިވެއެވެ. އެ މައްސަލައިގައި ހައިކޯޓުން ގޮތެއް ނިންމާފައިވަނީ 28 ފެބުރުވަރީ 2019 ގައެވެ.
ހައިކޯޓުގައި އެ މައްސަލަ މައުޟޫޢީގޮތުން ބަލާފައި ނުވެއެވެ. އެ މައްސަލަ ބެލުމުގެ އިޚްތިޞާޞް ހައިކޯޓަށް ލިބިގެން ނުވާކަމަށް، މައްސަލަ ރައްދުވި އިލެކްޝަންސް ކޮމިޝަނުން ބުނެ، އިޖުރާއީ އިޢުތިރާޟެއް ހުށަހެޅިއެވެ. އެކަމަށް ގޮތެއް ނިންމަމުން ހައިކޯޓުން ބުނެފައިވަނީ، ދަޢުވާއަށާއި ދަޢުވާ ބިނާކޮށްފައިވާ ސަބަބުތަކަށް ބަލާއިރު، އެ މައްސަލައަކީ ދުސްތޫރީ މައްސަލައެއްގެ ގޮތުގައި ހުށަހެޅިފައިވާ މައްސަލައަކަށްވުމާއި، އެ މައްސަލައަކީ، އެ މައްސަލަ ބެލުމުގެ އިޚްތިޞާޞް ހައިކޯޓަށް ލިބިފައިވާ މައްސަލައެއްކަން އެނގެން ނެތުމުން، މައްސަލަ ހުށަހެޅިފައި އޮތް ގޮތަށް ހައިކޯޓުގައި ކުރިއަށް ގެންދެވިދާނެ ކަމަށް މައްސަލަ ބެލި އެއްވެސް ފަނޑިޔާރަކަށް ނުފެންނަކަމަށެވެ.
ޤާނޫނުއަސާސީއާއި ޤާނޫނުތަކުގައި މިކަން ބަޔާންވެފައި އޮތްގޮތް
އިލެކްޝަންސް ކޮމިޝަންގެ މަސްއޫލިއްޔަތުތައް ބަޔާންކުރަމުން، އެއް މަސްއޫލިއްޔަތުގެ ގޮތުގައި ޤާނޫނުއަސާސީގެ 170 ވަނަ މާއްދާގެ (ބ) ގައި ބަޔާންވެގެންވަނީ:
"ޤާނޫނުގައި ކަނޑައަޅާ އުޞޫލުތަކެއްގެ މަތީން ކޮންމެ އިންތިޚާބެއްގެ ކުރިން އިންތިޚާބީ ދާއިރާތަކުގެ ނަންތަކާއި، އިންތައް ކަނޑައަޅައި، ވަކިކޮށް، އެކަންކަމަށް ބަދަލުގެނެސް، މުރާޖަޢާކުރަމުން ގެންދިއުން. އަދި މިކަންކަމަށް ގެނެވޭ ބަދަލުތައް ގެޒެޓުގައި ޝާއިޢު ކުރަމުން ގެންދިއުން."
މިހެންނެވެ.
އިންތިޚާބީ ޝަކުވާގެ ވާހަކަ ބަޔާން ކުރަމުން، ޤާނޫނުއަސާސީގެ 172 ވަނަ މާއްދާގެ (ހ) ގައި ބަޔާންވެގެންވަނީ:
"ކޮންމެ އިންތިޚާބަކާ ނުވަތަ ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ކޮންމެ ޢާންމު ވޯޓަކާ ގުޅޭގޮތުން އިލެކްޝަންސް ކޮމިޝަނުގެ ނިންމުމަކާމެދު، ނުވަތަ އިންތިޚާބެއްގެ ނަތީޖާއަކާމެދު، ނުވަތަ އިންތިޚާބާބެހޭ ކަމެއްގައި ޤާނޫނާއި ޤަވާޢިދާއި ޚިލާފަށް ހިނގާފައިވާ ކަމަށް އެ ފަރާތަކުން ޤަބޫލުކުރާ ކަމަކާމެދު ޝަކުވާއެއް އޮތްނަމަ އެ ޝަކުވާއަކާމެދު ގޮތެއް ނިންމައިދިނުން އެދި އެ ފަރާތަކުން ހައިކޯޓަށް ހުށަހެޅިދާނެއެވެ."
މިހެންނެވެ.
ޤާނޫނުއަސާސީގެ 172 ވަނަ މާއްދާގެ (ށ) ގައި ބަޔާންވެގެންވަނީ:
"މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާފަދަ ޝަކުވާތަކާމެދު ޢަމަލުކުރާނޭ ގޮތް އިންތިޚާބާބެހޭ ޤާނޫނުގައި ކަނޑައަޅާފައި އޮންނަން ވާނެއެވެ."
މިހެންނެވެ.
އިންތިޚާބާބެހޭ ޝަކުވާ ބެލޭނެ ނިޒާމު ޤާއިމުކުރުމާބެހޭ ގޮތުން އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނުގެ 62 ވަނަ މާއްދާގައި ބަޔާންވެގެންވަނީ:
"އިންތިޚާބެއް ހިނގަމުންދާއިރު، އެއިންތިޚާބަކާ ގުޅޭ އެއްވެސް ކަމަކާ ގުޅިގެން ޝަކުވާ ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން ފަސޭހައިން އެ ޝަކުވާ ހުށަހެޅޭނެ އަދި އެ ޝަކުވާތައް އަވަހަށް ބަލައި ފިޔަވަޅުއެޅޭނެ ނިޒާމެއް އިލެކްޝަންސް ކޮމިޝަނުން ޤާއިމުކުރަންޖެހޭނެއެވެ."
މިހެންނެވެ.
އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނުގެ 64 ވަނަ މާއްދާގެ (ހ) ގައި ބަޔާންވެގެންވަނީ:
"މި ޤާނޫނާއި ނުވަތަ މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދާއި ނުވަތަ އެ އިންތިޚާބާބެހޭ ޚާއްޞަ ޤާނޫނަކާއި ނުވަތަ އެ ޤާނޫނުގެ ދަށުން ހަދާ ގަވާއިދަކާއި ޚިލާފަށް އެއްވެސް ކަމެއް އެއްވެސް ފަރާތަކުން ކޮށްފިނަމަ، ނުވަތަ އިންތިޚާބާ ގުޅިގެން މި ޤާނޫނުގެ 62 ވަނަ މާއްދާގެ ދަށުން އިލެކެޝަންސް ކޮމިޝަނަށް ހުށަހެޅި ޝަކުވާއަކާ ގުޅިގެން އެ ކޮމިޝަނުން ނިންމި ނިންމުމަކާމެދު ހިތްހަމަނުޖެހޭނަމަ، އެމައްސަލައަކާމެދު ގޮތެއް ނިންމައިދިނުން އެދި އެފަރާތަކުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅިދާނެއެވެ."
މިހެންނެވެ. އަދި 14 (ސާދަ) ދުވަހުގެ ތެރޭގައި އެ މައްސަލައެއް ހައިކޯޓުން ނިންމަންވާނެ ކަމަށް އެ މާއްދާގެ (ނ) ގައި ބަޔާންވެގެންވެއެވެ.
އިންތިޚާބާބެހޭ ޚާއްޞަ ޤާނޫނެއް ކަމަށްވާ، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބީ ދާއިރާތައް ކަނޑައެޅުމާބެހޭ ޤާނޫނުގެ 13 ވަނަ މާއްދާގައި އިންތިޚާބީ ދާއިރާތައް ކަނޑައަޅައި ޢާންމުކުރާ ރިޕޯޓާގުޅިގެން އުފެދޭ ޝަކުވާތައް ބެލުމާބެހޭ ޚާއްޞަ ނިޒާމެއް ބަޔާންކޮށްފައިވެއެވެ. މިގޮތުން އެ މާއްދާގައި އަންނަނިވި ކަންކަން ބަޔާން ކޮށްފައިވެއެވެ.
އިންތިޚާބީ ދާއިރާތައް ކަނޑައެޅުމާބެހޭ ވަގުތީ ރިޕޯޓާމެދު ޝަކުވާ އުފުލުމުގެ އިޚްތިޔާރު ޢުމުރުން 18 (އަށާރަ) އަހަރުން މަތީގެ ކޮންމެ ދިވެހި ރައްޔިތަކަށާއި ސިޔާސީ ޕާޓީތަކަށާއި އަދި ޤާނޫނީ ކޮންމެ ޝަޚްޞަކަށް ވެސް ލިބިގެންވާކަން.
އެ ރިޕޯޓާގުޅިގެން ޝަކުވާއެއް އުފުލަން ބޭނުންވާނަމަ، އިންތިޚާބީ ދާއިރާތައް ކަނޑައެޅުމާބެހޭ ވަގުތީ ރިޕޯޓު ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރާ ދުވަހުން ފެށިގެން ގިނަވެގެން 21 (އެކާވީސް) ދުވަހުގެ ތެރޭގައި ލިޔުމުން އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަންވާނެކަން.
ޝަކުވާ ހުށަހެޅުމަށް ދީފައިވާ 21 (އެކާވީސް) ދުވަސް ހަމަވާ ދުވަހުން ފެށިގެން ގިނަވެގެން 15 (ފަނަރަ) ދުވަހުގެ ތެރޭގައި އިލެކްޝަންސް ކޮމިޝަނުން އެ ޝަކުވާތަކަށް ގޮތެއް ނިންމައި، ޝަކުވާ ހުށަހެޅި ފަރާތްތަކަށް ސަބަބާއެކު އެކަން އަންގަންވާނެކަން.
އިލެކްޝަންސް ކޮމިޝަނުން ނިންމި ނިންމުމާމެދު ހިތްހަމަނުޖެހޭނަމަ، އެ ނިންމުން ނިންމި ގޮތް އެންގި ދުވަހުން ފެށިގެން ގިނަވެގެން 15 (ފަނަރަ) ދުވަހުގެ ތެރޭގައި އެ ޝަކުވާ ހައިކޯޓަށް ހުށަހެޅުމުގެ އިޚްތިޔާރު އެ ޝަކުވާއެއް ހުށަހެޅި ފަރާތަކަށް ލިބިގެންވާކަން.
ހައިކޯޓަށް އެ މައްސަލަ ހުށަހަޅާތާ ގިނަވެގެން 15 (ފަނަރަ) ދުވަހުގެ ތެރޭގައި ހައިކޯޓުން އެ މައްސަލައިގައި ޙުކުމް ކުރަންވާނެކަން.
އިސްވެ ބަޔާންވެދިޔަ މާއްދާތަކަށް ބަލާއިރު، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބީ ދާއިރާތައް ކަނޑައަޅައި އިލެކްޝަންސް ކޮމިޝަނުން ނިންމާ ނިންމުމަކާ ގުޅިގެން އުފެދޭ ޝަކުވާތައް ބެލުމުގެ ޚާއްޞަ ނިޒާމެއް ޤާނޫނުން މިވަނީ ކަނޑައަޅާދީފައެވެ. ޤާނޫނުގައި ބަޔާންވެގެންވާ ގޮތުން މި ބާވަތުގެ މައްސަލަތަކުގައި ފުރަތަމަ މަރުޙަލާގެ ކޯޓެއްގެ ގޮތުގައި އެ މައްސަލަތައް ހުށަހެޅޭނީ ހައިކޯޓަށެވެ. އަދި ޢާންމު އުޞޫލާ އެއްގޮތަށް ހައިކޯޓުން ނިންމާ ނިންމުން ސުޕްރީމް ކޯޓަށް ހުށަހެޅުމުގެ ފުރުސަތު އޮންނާނެއެވެ.
ފުރަތަމަ މަރުޙަލާގެ ކޯޓެއްގެ ގޮތުގައި ހައިކޯޓަށް ހުށަހަޅަންޖެހޭ މައްސަލަތަކުގައި ޢަމަލުކުރަމުން އައިގޮތް
ފުރަތަމަ މަރުޙަލާގެ ކޯޓެއްގެ ގޮތުގައި ހައިކޯޓަށް ހުށަހަޅަންޖެހޭ ދުސްތޫރީ އަދި އިންތިޚާބީ މައްސަލަތަކުގެ ތެރޭގައި އަންނަނިވި މައްސަލަތައް ހިމެނެއެވެ.
ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 11 ވަނަ މާއްދާގެ (ހ) ގައި ބަޔާންވެގެންވާ ސިފަތައް ލިބިގެންވާ ދުސްތޫރީ މައްސަލަތައް ފިޔަވައި، ޤާނޫނެއް ނުވަތަ ޤާނޫނެއްގެ ބައެއް ޤާނޫނުއަސާސީއާއި ތަޢާރުޟުވާކަމަށް ބަޔާންކޮށް ހުށަހަޅާ މައްސަލަތައް.
ޤާނޫނަކުން ބާރުލިބިގެން ހަދާފައިވާ ގަވާއިދެއް ނުވަތަ ގަވާއިދެއްގެ ބައެއް ޤާނޫނުއަސާސީއާއި ނުވަތަ ޤާނޫނަކާ ތަޢާރުޟުވާކަމަށް ބަޔާންކޮށް ހުށަހަޅާ މައްސަލަތައް.
ކޮންމެ އިންތިޚާބަކާ ނުވަތަ ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ކޮންމެ ޢާންމު ވޯޓަކާގުޅޭ ގޮތުން އިލެކްޝަންސް ކޮމިޝަނުގެ ނިންމުމަކާމެދު، ނުވަތަ އިންތިޚާބެއްގެ ނަތީޖާއަކާމެދު، ނުވަތަ އިންތިޚާބާބެހޭ ކަމެއްގައި ޤާނޫނާއި ގަވާއިދާ ޚިލާފަށް ހިނގާފައިވާ ކަމަށް އެ ފަރާތަކުން ޤަބޫލުކުރާ ކަމަކާމެދު ޝަކުވާއެއް އޮތްނަމަ، އެ ޝަކުވާއަކާމެދު ގޮތެއް ނިންމައިދިނުން އެދި ހުށަހަޅާ މައްސަލަތައް.
އިންތިޚާބީ ދާއިރާތައް ކަނޑައަޅައި އިލެކްޝަންސް ކޮމިޝަނުން ޢާންމުކުރާ ރިޕޯޓާ ގުޅިގެން، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބީ ދާއިރާތައް ކަނޑައެޅުމާބެހޭ ޤާނޫނުގެ 13 ވަނަ މާއްދާގެ ދަށުން ހުށަހެޅޭ މައްސަލަތައް.
ފުރަތަމަ މަރުޙަލާގެ ކޯޓެއްގެ ގޮތުގައި ސުޕްރީމް ކޯޓަށާއި ހައިކޯޓަށް އިޚްތިޞާޞް ލިބިގެންވާ މައްސަލަތައް ހުށަހަޅަން ޖެހޭނީ ހައިކޯޓަށް ކަމަށް ބަޔާންކޮށް ސުޕްރީމް ކޯޓުން ނިންމި ފުރަތަމަ މައްސަލައަކީ ރައްޔިތުންގެ މަޖިލީހުގެ މައްޗަށް އިދުހާމް މުޢިއްޒު ޢަދުނާން ހުށަހަޅައިގެން ބެލުނު ދުސްތޫރީ މައްސަލައެވެ. އެ މައްސަލައިގައި ސުޕްރީމް ކޯޓުން ބުނެފައިވަނީ:
"...މި ދަޢުވާ މައުޟޫޢީގޮތުން ބެލުމުގެ ނަތީޖާއަކަށްވާނީ އިޝާރާތްކުރެވިފައިވާ ޤާނޫނު ނުވަތަ އެޤާނޫނުގެ ބައެއް ނަމަވެސް ޤާނޫނުއަސާސީއާއި ޚިލާފުވޭތޯ ބެލުންކަމަށްވެފައި، ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނެއް ނުވަތަ ޤާނޫނަކުން ބައެއްވިޔަސް ޤާނޫނުއަސާސީއާއި ޚިލާފުވޭތޯ ބެލުމާއި އެފަދަ މައްސަލަތަކުގައި ގޮތެއް ނިންމުމުގެ ބާރު ލިބިގެންވަނީ ހައިކޯޓަށާއި ސުޕްރީމް ކޯޓަށްކަމަށް ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާތީ، ދެ މަރުޙަލާގެ ކޯޓަކަށް އިޚްތިޞާޞް ލިބިގެންވާކަމެއް ފުރަތަމަ ބަލަންޖެހޭނީ ސުޕްރީމް ކޯޓުން ނޫންކަން."
މިހެންނެވެ.
މިގޮތުން، މި މައްސަލައަކީ އައްޑޫ ސިޓީގެ އިންތިޚާބީ ދާއިރާތައް ކަނޑައަޅައި އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާ ނިންމުމަކާގުޅޭ މައްސަލައެއް ކަމަށްވެފައި، މި މައްސަލަ ހުށަހެޅި ފަރާތުން ސުވާލު އުފައްދައި ހުށަހަޅާފައިވާ ކަންބޮޑުވުންތައް އަމާޒުވަނީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބީ ދާއިރާތައް ކަނޑައަޅައި އިލެކްޝަންސް ކޮމިޝަނުން އިޢުލާންކުރި ރިޕޯޓުގައި ހިމެނޭ ވަކި އިންތިޚާބީ ދައިރާއެއް ކަނޑައަޅާފައިވާ ގޮތުގެ މައްޗަށް ކަމަށްވުމުން، ހުށަހެޅިފައިވާ ޝަކުވާއަކީ އިންތިޚާބީ ޝަކުވާއެއްކަން ޤާނޫނުއަސާސީގެ 172 ވަނަ މާއްދާގެ (ހ) އިން އެނގެން އޮތުމާއި، އެ ޝަކުވާގެ ކަންކަން ބަލައި ގޮތެއް ނިންމާނެ ގޮތް ތަފުސީލުކޮށް، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބީ ދާއިރާތައް ކަނޑައެޅުމާބެހޭ ޤާނޫނުގެ 13 ވަނަ މާއްދާގައި ބަޔާންވެގެންވުމުން، މި ބާވަތުގެ މައްސަލަތަކުގައި ކަންކުރަން ޖެހޭނީ ފަހުން މި ބުނެވުނު މާއްދާގައި ބަޔާންކޮށްފައިވާ ގޮތަށް ކަމަށްވާތީ، މި މައްސަލައަކީ ޤައުމުގެ ޢާންމު މަޞްލަޙަތާ ގުޅުން ހުރި ދުސްތޫރީ މައްސަލައެއްގެ ގޮތުގައި ސުޕްރީމް ކޯޓުގެ އަސްލީ އިޚްތިޞާޞްގެ ދަށުން ބެލޭނެ މައްސަލައެއް ނޫންކަމަށް އަހުރެން ދެކެމެވެ.
ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ ރައުޔުމި މައްސަލައިގައި ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔުމި މައްސަލައިގައި ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުގެ ރައުޔުމި މައްސަލައިގައި ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްގެ ރައުޔުމި މައްސަލައިގައި ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ޙުކުމް
ދެންފަހެ، އިސްވެ ބަޔާންވެދިޔަ ކަންކަން އެގޮތަށް ހުރުމުން، މި މައްސަލައަކީ ޢާންމު މަޞްލަޙަތާއި ގުޅުންހުރި ދުސްތޫރީ މައްސަލައެއްގެ ގޮތުގައި ސުޕްރީމް ކޯޓުގެ އަސްލީ އިޚްތިޞާޞްގެ ދަށުން ބެލޭނެ މައްސަލައެއް ނޫން ކަމަށް މި މައްސަލަ ބެލި ފަސް ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމްކޮށްފީމެވެ.
މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ:
އަޒްމިރާލްދާ ޒާހިރުޢަލީ ރަޝީދު ޙުސައިންޢާއިޝާ ޝުޖޫން މުޙައްމަދު(ރިޔާސަތު)
މަޙާޒު ޢަލީ ޒާހިރުމުޙައްމަދު އިބްރާހީމް
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.