ދިވެހިރާއްޖޭގެ މަތީ މަރުޙަލާގެ ކޯޓުތަކުން ކަނޑައަޅާފައިވާ ޤާނޫނީ އުޞޫލުތައް

Maldives Legal Precedents

Saeed Lex
2019/SC-E/11ސުޕްރީމް ކޯޓު · 4 މާރިޗު 2019

—

ސުޕްރީމް ކޯޓު
ފަހުގެ ޙުކުމެއްގައި ޙަވާލާދީފައެއް ނުފެނޭޙުކުމުގެ ހާލަތު
ސުޕްރީމް ކޯޓު · 4 މާރިޗު 2019ބާވަތް: އިންތިޚާބީ

ޚުލާޞާ

ޚުލާޞާ ނެތް.

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
—
ފަހުގެ ތާރީޚު
—

ނިންމުން

—

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

މި ލިޔުމުން އުޞޫލެއް ނުނެގުނު.

ފަނޑިޔާރުން

ބެންޗު
—
ޚިލާފު ރައުޔު
ނެތް

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.

ޝަރީޢަތް ނިމުނުގޮތުގެ ޚުލާޞާ

ޤަޟިއްޔާ ނަންބަރު: 2019/SC-E/11

ދަޢުވާކުރާ ފަރާތް: އިބްރާހީމް ޒަމީލް

ދަޢުވާ ލިބޭ ފަރާތް: އިލެކްޝަންސް ކޮމިޝަން

މައްސަލައިގެ ބާވަތް: އިންތިޚާބަށް ކުރިމަތިލުމުގެ ޝަރުޠާބެހޭ މައްސަލަ

މައްސަލަ އައިގޮތް: އިންތިޚާބަށް ކުރިމަތިލުމުގެ ޝަރުޠާބެހޭ ގޮތުން މައްސަލަ ހުށަހެޅުމުގެ ހުއްދައަށް އެދި ހުށަހަޅާ ފޯމުން

ހުށަހެޅުނު ތާރީޚް: 28 ފެބުރުވަރީ 2019

ރަޖިސްޓްރީކުރެވުނު ތާރީޚް: 28 ފެބުރުވަރީ 2019

ނިމުނު ތާރީޚް: 04 މާރިޗު 2019

މައްސަލަ ނިންމި ގަޑި: 13:21

މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް: އުއްތަމަ ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީ، ފަނޑިޔާރު ޢަބްދުﷲ ޢަރީފް، ފަނޑިޔާރު އާދަމް މުޙައްމަދު ޢަބްދުﷲ، ފަނޑިޔާރު ޢަބްދުﷲ ދީދީ، ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދު

މައްސަލައިގެ ޙުލާސާ:

މި ޤަޟިއްޔާއަކީ، 2019 ވަނަ އަހަރުގެ އެޕްރީލް މަހުގެ 6 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި މައްޗަންގޮޅި މެދު ދާއިރާއަށް އަމިއްލަގޮތުން ކުރިމަތިލުމަށް އެދި،2019 ފެބުރުވަރީ 21 ވަނަ ދުވަހު، އިބްރާހީމް ޒަމީލް، ) އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅި ނަންބަރު PE/2019/386 ފޯމުގައިވާ މަޢުލޫމާތުތަކާއި ލިޔެކިޔުންތަކަށް ބެލިއިރު، އިބްރާހީމް ޒަމީލް އަދާކުރަންޖެހޭ ސާބިތު ދަރަންޏެއް އޮތްކަމަށާއި، އަދި އެ ދަރަނި ޙުކުމާ އެއްގޮތަށް އަދާކުރަމުން ނުދާކަމަށް އެ ރެކޯޑުގައި ބަޔާންކޮށްފައިވާތީ، ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 73 ވަނަ މާއްދާގައި އިންތިޚާބަށް ކުރިމަތިލާ މީހެއްގައި ހުންނަންޖެހޭ ޝަރުޠު ފުރިހަމަނުވާކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅައި، އިބްރާހީމް ޒަމީލުގެ ކެންޑިޑަސީ ޤަބޫލުނުކުރާކަން އިބްރާހީމް ޒަމީލަށް އަންގާފައިވާތީ، އިލެކްޝަންސް ކޮމިޝަނުގެ ނިންމުން ބާޠިލު ކޮށްދިނުމަށާއި، އަދި އިބްރާހީމް ޖަމީލަށް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރުމުގެ ފުރުޞަތު ދިނުމަށް، އިލެކްޝަންސް ކޮމިޝަނުގެ މައްޗަށް އަމުރުކޮށް ދިނުން އެދި، އިބްރާހީމް ޒަމީލްގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅުމުން ބަލާފައިވާ ޤަޟިއްޔާއެކެވެ. މި ޤަޟިއްޔާގައި ދަޢުވާ ރައްދުވާ ފަރާތަކީ އިލެކްޝަންސް ކޮމިޝަނެވެ.

ފާހަގަކުރެވުނު ނުކުތާތައް:

މި މައްސަލައާ ގުޅިގެން ދެފަރާތުން ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، ޝަރީޢަތުގެ މަޖިލީހަށް ހުށަހަޅާފައިވާ ލިޔުންތަކަށާއި، މި ޤަޟިއްޔާއާ ގުޅިގެން ކަމާބެހޭ އިދާރާތަކުން ހޯދާފައިވާ ރަސްމީ ލިޔުންތަކަށާއި، މިބާވަތުގެ މައްސަލަތަކާ ގުޅިގެން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނިންމާފައިވާ ނިންމުންތަކުގެ މައްޗަށާއި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި ކަމާބެހޭ ޤާނޫނުތަކުގެ މައްޗަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ވިސްނައި ބެލިއިރު، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.

(ހ) ފުރަތަމަ ކަމަކީ: އިންތިޚާބަކަށް ކުރިމަތިލާ މީހުންގެ ކިބައިގައި ފުރިހަމަވާންޖެހޭ ޝަރުޠުތަކެއް ޤާނޫނުއަސާސީގައި ނުވަތަ ޤާނޫނެއްގައި ކަނޑައަޅާފައިވާނަމަ، އެ އިންތިޚާބަކަށް ކުރިމަތިލާ ކޮންމެ މީހެއްގެ ކިބައިގައި އެ ޝަރުޠުތައް ފުރިހަމަވާންޖެހޭނެކަމަށް، ޤާނޫނު ނަންބަރު 11/2008(އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނު) ގެ 15 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާއިރު، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 73 ވަނަ މާއްދާއާއި، ޤާނޫނު ނަންބަރު 2/2009 (ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ޤާނޫނު) ގެ 8 ވަނަ މާއްދާގައި، ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލާ މީހެއްގައި ހުންނަންޖެހޭ ޝަރުޠުތައް ބަޔާންކޮށްފައިވާކަން އެނގޭކަމާއި،

އެގޮތުން ޤާނޫނުއަސާސީގެ 73 ވަނަ މާއްދާގެ (ނ) ގައި، "އަންނަނިވި ޙާލަތުންކުރެ ޙާލަތެއްގައިވާ މީހަކަށް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ބައިވެރިއެއް ނުވެވޭނެއެވެ. އަދި ރައްޔިތުންގެ މަޖިލީހަށް ހޮވިފައިވާ މެންބަރަކަށް އެފަދަ ޙާލަތެއް މެދުވެރިވެއްޖެނަމަ އެ މީހަކު ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުން ވަކިވާނެއެވެ." މިފަދައިން ބަޔާންކުރުމަށްފަހު، އެ މާއްދާގެ އެ އަކުރުގެ (1) ވަނަ ނަންބަރުގައި، "އަދާކުރަންޖެހޭ ސާބިތު ދަރަންޏެއް އޮތް މީހަކު ނަމަ، ޙުކުމާ އެއްގޮތަށް އެ ދަރަނި އަދާކުރަމުން ނުދާ މީހަކު ކަމުގައިވުން." މިފަދައިން ބަޔާންކޮށްފައިވާ ކަމާއި، އަދި ހަމަ ޤާނޫނުއަސާސީގެ 73 ވަނަ މާއްދާގެ (ނ) ގެ (1) ވަނަ ނަންބަރުގައިވާ އެ ޢިބާރާތް، ޤާނޫނު ނަންބަރު 2/2009 (ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ޤާނޫނު) ގެ 8 ވަނަ މާއްދާގެ (ނ) ގެ (1) ވަނަ ނަންބަރުގައިވެސް ބަޔާންކޮށްފައިވާކަން އެނގެން އޮންނަ ކަމެވެ.

(ށ) ދެވަނަ ކަމަކީ: މީލާދީ ސަނަތުން 2019 ވަނަ އަހަރުގެ އެޕްރީލް މަހުގެ 6 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި މައްޗަންގޮޅި މެދު ދާއިރާއަށް އަމިއްލަގޮތުން ވާދަކުރާ ކެންޑިޑޭޓެއްގެ ގޮތުގައި ކުރިމަތިލުމަށް އެދި، އިބްރާހީމް ޒަމީލް، 2019 ފެބުރުވަރީ 21 ވަނަ ދުވަހު، ނަންބަރު PE/2019/386 ފޯމުންއިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައިވާކަމާއި، ނަމަވެސް އިބްރާހީމް ޒަމީލް، އަދާކުރަންޖެހޭ ސާބިތުދަރަންޏެއް އޮވެ، ޙުކުމާ އެއްގޮތަށް އެ ދަރަނި އަދާކުރަމުން ނުދާކަން ފޯމާއެކު އިބްރާހީމް ޒަމީލްހުށަހަޅާފައިވާ ކަމާބެހޭ ކޯޓުގެ ރެކޯޑުގައި ފާހަގަކޮށްފައިވާތީ، އެ މަޢުލޫމާތު ބަލައި ޗެކްކުރުމަށްފަހު،އިބްރާހީމް ޒަމީލަކީ، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2019 ގައި ކެންޑިޑޭޓެއްގެ ގޮތުގައި ވާދަކުރުމަށް ޤާނޫނީގޮތުން ޝަރުޠު ފުރިހަމަވާ ފަރާތެއް ނޫންކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައި، އެކަން އިބްރާހީމް ޒަމީލަށް 2019 ފެބުރުވަރީ 22 ގައި އެ ކޮމިޝަނުން އަންގާފައިވާކަން ހުށަހެޅިފައިވާ ލިޔުންތަކަށް ބެލުމުން އެންގެން އޮންނަ ކަމެވެ.

(ނ) ތިންވަނަ ކަމަކީ: ސިވިލް ކޯޓުން 19 ފެބުރުވަރީ 2019 ވަނަ ދުވަހު ތައްޔާރުކޮށްފައިވާ އިބްރާހީމް ޒަމީލުގެ ދަރަނީގެ ރެކޯޑަށް ބަލާއިރު، އިބްރާހީމް ޒަމީލުގެ މައްޗަށް މަދަނީ ކޯޓުގެ ނަންބަރު 1664/MC/2007 ޤަޟިއްޔާއިން 256,000/-ރ. (ދެލައްކަ ފަންސާސް ހަހާސް ރުފިޔާ) ގެ ދަރަންޏެއް ސާބިތުވެފައިވާކަން އެނގެން އޮންނަކަމާއި،

މަދަނީ ކޯޓުގެ އެ ޤަޟިއްޔާ އިބްރާހީމް ޒަމީލުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމުން ހައިކޯޓުގެ ނަންބަރު 2008/HC-A/184 ޤަޟިއްޔާއިން އެ މައްސަލަ ބަލައި، މަދަނީ ކޯޓުގެ ނަންބަރު 1664/MC/2007 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމަށް ތާއިދުކޮށް ދިވެހިރާއްޖޭގެ ހައިކޯޓުގެ އެ ޤަޟިއްޔާގައި ޙުކުމް ކޮށްފައިވާކަން އެނގެން އޮންނަ ކަމާއި، އަދި އިސްވެ ބަޔާންކުރެވުނު ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2008/HC-A/184 ޤަޟިއްޔާގައި އެފަދައިން ޙުކުމް ކުރުމުން، ދިވެހިރާއްޖޭގެ ހައިކޯޓުގެ އެ ޤަޟިއްޔާ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިލްތިމާސް ކުރުމަށް އެދި13 މެއި 2012 ވަނަ ދުވަހު ދިވެހިރާއްޖެގެ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ނަންބަރު2012/SC-L/23 ފޯމުގެ ޖަވާބުގައި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2008/HC-A/184 ޤަޟިއްޔާއިން ކޮށްފައިވާ ޙުކުމަކީ، ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި އެއްގޮތަށް ކޮށްފައިވާ ޙުކުމަކަށްވާތީ، ސުޕްރީމް ކޯޓުގެ ޤަވާޢިދުގެ 42 ވަނަ މާއްދާއަށް ޙަވާލާދީ ސުޕްރީމް ކޯޓުގެ ޤަވާޢިދުގެ 49 ވަނަ މާއްދާގެ ދަށުން މައްސަލަ ހުށަހެޅުމުގެ ހުއްދަ ދެވެން ނެތްކަމަށް ބަޔާންކޮށް، އެކަން އިބްރާހީމް ޒަމީލަށް އަންގާފައިވާކަން އެނގެން އޮންނަ ކަމެވެ.

(ރ) ހަތަރުވަނަ ކަމަކީ: އިސްވެ ބަޔާންކުރެވުނު ފަދައިން އިބްރާހީމް ޒަމީލުގެ މައްޗަށް ދަރަނި ސާބިތުވި މަދަނީ ކޯޓުގެ ނަންބަރު 1664/MC/2007 ޤަޟިއްޔާގެ ޙުކުމް ތަންފީޒުކުރުމުގެ ގޮތުން ބެލުނު ސިވިލް ކޯޓުގެ ނަންބަރު 2657/Cv-C/2016ޤަޟިއްޔާއިން އެ މައްސަލަ ބަލަން ފެށުމާއެކު، "ބެލެނިވެރިކަމުގެ އިޚްތިޞާޞްގެ ދަށުން ޝަކުވާ ބަލައިދިނުމުގެ ހުއްދައަށް އެދޭ ފޯމު" އިން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް އިބްރާހީމް ޒަމީލް ޝަކުވާ ހުށަހެޅުމުން، އެއީ ޙުކުމް ތަންފީޒުކުރުމަށް ހުށަހެޅުނު ޤަޟިއްޔާއަކާ ގުޅޭގޮތުން ބެލެނިވެރިކަމުގެ އިޚްތިޞާޞްގެ ދަށުން ހުށަހަޅާފައިވާ ޝަކުވާއަކަށްވާތީ، އެ ޝަކުވާއާމެދު ގޮތެއް ނިމުމުގެ ކުރިން އެ ޙުކުމް ތަންފީޒުކުރުމުގެ މައްސަލަ ކުރިއަށް ގެންދެވެން ނެތްކަމަށް ކަނޑައަޅައި ސިވިލް ނަންބަރު 2657/Cv-C/2016 ޤަޟިއްޔާ ބާޠިލްކޮށްފައިވާ ކަމާއި،

ނަމަވެސް ސިވިލް ކޯޓުގެ ނަންބަރު 2657/Cv-C/2016 ޤަޟިއްޔާއަކީ ސާބިތު ދަރަނީގެ މައްސަލައަކަށްވެފައި އަދި ސިވިލް ކޯޓުގެ ޙުކުމް ތަންފީޛުކުރަމުންދާ މައްސަލައަކަށްވާތީ، ބެލެނިވެރިކަމުގެ އިޚްތިޞާޞްގެ ދަށުން އަޅައިދެވޭނެ ފިޔަވަޅެއް ނެތްކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ނިންމާފައިވާތީ، އެކަން އިބްރާހީމް ޒަމީލަށް އަންގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 197-BA1/INDIV/2018/48 (26 ފެބްރުއަރީ 2018) ލިޔުމުން ޖަވާބުދީފައިވާކަން އެނގެން އޮންނަ ކަމެވެ.

(ބ) ފަސްވަނަ ކަމަކީ: އިސްވެ . ބަޔާންކުރެވެނު އެންމެހައި ކަންކަމަށް ބަލާއިރު، މަދަނީކޯޓުގެ ނަންބަރު 1664/MC/2007 ޤަޟިއްޔާއިން އިބްރާހީމް ޒަމީލުގެ މައްޗަށް ދަރަންޏެއްސާބިތުވެފައިވާތީއާއި، އެ ދަރަނި ސާބިތުވި މަދަނީ ކޯޓުގެ އިސްވެ ބަޔާންކުރެވުނު ޤަޟިއްޔާގެ ޙުކުމަށް އޭގެ މަތީ މަރުޙަލާގެ ކޯޓަކުން ބަދަލު ގެނެސްފައި ނުވާތީއާއި، އެ ޙުކުމަކީ ޝަރީޢަތުގެ ހުރިހާ މަރުޙަލާތަކެއް ނިމި، ކަނޑައެޅި ނިޔާގެ ބާރު (force of res judicata) ލިބިގެންވާ ނިހާއީ ޙުކުމެއްކަން އެނގެން އޮންނާތީއާއި، އަދި މީގެ އިތުރުން މަދަނީ ކޯޓުގެ ނަންބަރު 1664/MC/2007 ޤަޟިއްޔާގެ ޙުކުމާ އެއްގޮތަށް މިހާތަނަށްވެސް އެ ފައިސާ ދައްކާ ޚަލާޞްކޮށްފައި ނުވާކަން އިބްރާހީމް ޒަމީލުގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ސާފު ބަހުން ބުނެފައިވާކަން އެނގެން އޮންނާތީ،

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި މައްޗަންގޮޅި މެދު ދާއިރާއަށް އަމިއްލަގޮތުން ވާދަކުރުމަށް އެދި، އިބްރާހީމް ޒަމީލުގެ ފަރާތުން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅި ނަންބަރު PE/2019/386 ފޯމާ ގުޅިގެން އެ ކޮމިޝަނަށް ކަމާބެހޭ އިދާރާތަކުން ލިބިފައިވާ މަޢުލޫމާތަށް ބަލައި، އިބްރާހީމް ޖަމީލަކީ އޭނާގެ މައްޗަށް ސާބިތުވެފައިވާ ދަރަނި، ޙުކުމާ އެއްގޮތަށް ދައްކަމުން ނުދާ މީހެއްކަމަށް ބަލައި، އިބްރާހީމް ޒަމީލަކީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ކެންޑިޑޭޓެއްގެ ގޮތުގައި ބައިވެރި ނުވެވޭނެ ޙާލަތެއް މެދުވެރިވެފައިވާ ފަރާތެއްކަމަށް އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން ނިންމައި، އިބްރާހީމް ޒަމީލުގެ ކެންޑިޑެސީ ބަލައި ނުގަތުމަށް އެ ކޮމިޝަނުން ނިންމާފައިވާ ނިންމުމަކީ، އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން ޤާނޫނީގޮތުން ބަލަންޖެހޭ ބެލުންތައް ބެލުމަށްފަހު، ޤާނޫނާ އެއްގޮތަށް ނިންމާފައިވާ ނިންމުމެއްކަމަށްވާތީ، އިލެކްޝަންސް ކޮމިޝަނުގެ އެ ނިންމުމަށް ބަދަލު ގެންނަންޖެހޭ އެއްވެސް ސަބަބެއް ފެންނަން ނެތްކަމެވެ.

ޙުކުމް:

ދެންފަހެ، އިސްވެ ބަޔާންވެދިޔަ ސަބަބުތައް އެގޮތުގެމަތިން ހުރުމުން، "ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2019" ގައި މައްޗަންގޮޅި މެދު ދާއިރާއަށް އަމިއްލަގޮތުން ކުރިމަތިލުމަށް އެދި 2019 ފެބުރުވަރީ 21 ވަނަ ދުވަހު، އިބްރާހީމް ޒަމީލް، އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅި ނަންބަރު PE/2019/386 ފޯމުގައިވާ މަޢުލޫމާތާއި ލިޔެކިޔުންތަކަށް ބަލައި، އިބްރާހީމް ޒަމީލަކީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2019 އަށް ކުރިމަތިލުމުގެ ޝަރުޠު ފުރިހަމަވާ ފަރާތެއް ނޫންކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅައި، އިބްރާހީމް ޒަމީލުގެ ކެންޑިޑަސީ ޤަބޫލުނުކުރާކަން އިބްރާހީމް ޒަމީލަށް އަންގާފައިވާ އެންގުމަކީ ސައްޙަ އެންގުމެއްކަމަށް ކަނޑައަޅައި، މި ޤަޟިއްޔާ ބެލި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމް ކޮށްފީމެވެ.

އުއްތަމަ ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީ ފަނޑިޔާރު ޢަބްދުﷲ ޢަރީފް

ފަނޑިޔާރު އާދަމް މުޙައްމަދު ޢަބްދުﷲ ފަނޑިޔާރު ޢަބްދުﷲ ދީދީ

ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދު

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ޝެއަރ ކުރައްވާ