ދިވެހިރާއްޖޭގެ މަތީ މަރުޙަލާގެ ކޯޓުތަކުން ކަނޑައަޅާފައިވާ ޤާނޫނީ އުޞޫލުތައް

Maldives Legal Precedents

Saeed Lex
2019/SC-S/47ސުޕްރީމް ކޯޓު · 24 ސެޕްޓެމްބަރު 2020

—

ސުޕްރީމް ކޯޓު
ފަހުގެ ޙުކުމެއްގައި ޙަވާލާދީފައެއް ނުފެނޭޙުކުމުގެ ހާލަތު
ސުޕްރީމް ކޯޓު · 24 ސެޕްޓެމްބަރު 2020ބާވަތް: މަދަނީ

ޚުލާޞާ

ޚުލާޞާ ނެތް.

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
—
ފަހުގެ ތާރީޚު
—

ނިންމުން

—

ކޯ ޓާމްސް

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

މި ލިޔުމުން އުޞޫލެއް ނުނެގުނު.

ފަނޑިޔާރުން

ބެންޗު
—
ޚިލާފު ރައުޔު
ނެތް

ޝަރީޢަތުގެ ވީޑިއޯ

ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.

ބެލެނިވެރިކަމުގެ އިޚްތިޞާޞްގެ ދަށުން ޝަކުވާ ބަލައިދިނުމަށް އެދި ހުށަހެޅި މައްސަލައާމެދު ނިންމިގޮތް

ޤަޟިއްޔާ ނަންބަރު: 2019/SC-S/47

ޝަކުވާ ހުށަހަޅާ ފަރާތް: ބޭންކް އޮފް ސިލޯން (ރަޖިސްޓްރޭޝަން ނަންބަރު FC-0014/2015)

ޝަކުވާ ރައްދުވާ ފަރާތް: ތެލުވެލިގާ ރިޓްރީޓް ޕްރައިވެޓް ލިމިޓެޑް (ކުންފުނި ރަޖިސްޓްރޭޝަން ނަންބަރު C-0206-2014)

މައްސަލައިގެ ބާވަތް: ބެލެނިވެރިކަމުގެ އިޚްތިޞާޞްގެ ދަށުން ހުށަހަޅާ ޝަކުވާ

މައްސަލަ އައިގޮތް: ބެލެނިވެރިކަމުގެ އިޚްތިޞާޞްގެ ދަށުން ޝަކުވާ ބަލައިދިނުމުގެ ހުއްދައަށް އެދޭ ފޯމުން

ހުށަހެޅުނު ތާރީޚު: 12 ޖޫން 2019

ރަޖިސްޓްރީ ކުރެވުނު ތާރީޚު: 25 ޖޫން 2019

ނިމުނު ތާރީޚު: 24 ސެޕްޓެމްބަރ 2020

މައްސަލަބެލި ފަނޑިޔާރުންގެ މަޖިލިސް: ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު، ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރު، ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިން

ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ ރައުޔު (ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރު އަދި ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިން ތާއީދު ކުރައްވާފައި)

ތަޢާރުފު

މއ. ވަހާރި ހުސައިން ޙިލްމީ ގެރެންޓީ ދީގެން ކާސްޓްއަވޭ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އާއި ބޭންކް އޮފް ސިލޯން އާއި ދެމެދު 18 ޖޫން 2014 ގައި ޓަރމް ލޯން ފެސިލިޓީ އެއްބަސްވުމެއްގައި ސޮއިކުރިއެވެ. މި ޓަރމް ލޯން އެއްބަސްވުމާ އެއްގޮތަށް ފައިސާ ބޭންކަށް ދައްކަމުން ނުދާތީ، މި ލޯނުގެ ފައިސާއާއި، އިންޓަރެސްޓާއި ޖޫރިމަނާ ފައިސާ އެކީ އެއްފަހަރާ ހޯދުމަށް ބޭންކް އޮފް ސިލޯންގެ ފަރާތުން ކާސްޓްއަވޭ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށާއި ޙުސައިން ޙިލްމީގެ މައްޗަށް ސިވިލް ކޯޓުގެ ނަންބަރު 476/Cv-C/2018 ޤަޟިއްޔާގައި ދަޢުވާކުރިއެވެ.

އެ ޤަޟިއްޔާގައި ޙުކުމްކޮށްފައިވަނީ ޓަރމް ލޯން ފެސިލިޓީއާ ގުޅިގެން ލޯނު ނެގިފަރާތް ކަމުގައިވާ ކާސްޓްއަވޭ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ބޭންކް އޮފް ސިލޯންއަށް ދައްކަންޖެހޭ ފައިސާ އެއްބަސްވުމުގައިވާ ގޮތުގެ މަތިން ދައްކާފައިނުވާތީ، 25 އެޕްރީލް 2018 ގެ ނިޔަލަށް އިންޓަރެސްޓާއި ޖޫރިމަނާގެ ފައިސާގެ ގޮތުގައި US$4,353,447.95 (ހަތަރު މިލިއަން ތިންލައްކަ ފަންސާސް ތިންހާސް ހަތަރުސަތޭކަ ސާޅީސް ހަތެއް އެމެރިކާ ޑޮލަރު ނުވަދިހަ ފަސް ސެންޓް) ކާސްޓްއަވޭ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި ލޯނަށް ގެރެންޓީދިން ފަރާތުން ބޭންކް އޮފް ސިލޯންއަށް ދައްކަންޖެހި ނުދައްކާ އޮތްކަން ހުށަހެޅިފައިވާ ލިޔުންތަކުން ޝަރީޢަތަށް ސާބިތުވާކަމަށް ކަނޑައަޅައި، މި ލޯނު ފައިސާ އާއި އިންޓަރެސްޓާއި ޖޫރިމަނާ ފައިސާ 12 (ބާރަ) މަސް ދުވަހުގެ ތެރޭގައި ދައްކާ ލޯން ޚަލާޞްކުރުމަށް ކާސްޓްއަވޭ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި، ލޯނަށް ގެރެންޓީ ދިން ޙުސައިން ޙިލްމީއަށް އަންގައެވެ. އަދި މި މުއްދަތުގައި މި ލޯނާއި ގުޅިގެން ދައްކަންޖެހޭ އެންމެހައި ފައިސާ ދައްކާ ލޯން ޚަލާޞްނުކުރެވިއްޖެނަމަ، އެ ޤަޟިއްޔާގައި ޙުކުމްކުރި ތާރީޚުން ފެށިގެން 12 (ބާރަ) މަސް ދުވަސް ހަމަވާ ތާރީޚުން ފެށިގެން، މި ލޯނާއި ގުޅިގެން ރަހުނު ކުރެވިފައިވާ "އދ. ތެލުވެލިގާ" އެވެ ކިޔާ ރަށުގައިވާ ލީސް އެގްރިމަންޓުގެ ދަށުން އެރަށުގެ ވެރިފަރާތަށް ލިބިގެންވާ އެންމެހައި ޙައްޤުތައް ވިއްކާލައިގެން މި ފައިސާ ހޯދުމުގެ ޙައްޤު ބޭންކް އޮފް ސިލޯންއަށް ލިބިގެންވާ ކަމަށެވެ.

ސިވިލް ކޯޓުގެ ނަންބަރު 476/Cv-C/2018 ޤަޟިއްޔާގައި ޙުކުމްކުރީ 30 އެޕްރީލް 2018 ގައެވެ. އަދި މި ޤަޟިއްޔާގެ ޙުކުމް ތަންފީޒުކުރުމުގެ މައްސަލަ ސިވިލް ކޯޓުގެ ނަންބަރު 3992/Cv-C/2018 ޤަޟިއްޔާގައި ހިނގަމުން ދަނިކޮށް ތެލުވެލިގާ ރިޓްރީޓް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ސިވިލް ކޯޓުގެ ނަންބަރު 476/Cv-C/2018 ޤަޟިއްޔާގެ ޙުކުމް އިސްތިއުނާފުކުރުމަށް ބޭންކް އޮފް ސިލޯންއަށް ރައްދުވާގޮތަށް އެމައްސަލަ ހައިކޯޓަށް ހުށަހެޅިއެވެ. ތެލުވެލިގާ ރިޓްރީޓް ޕްރައިވެޓް ލިމިޓެޑްއަކީ މިނިސްޓްރީ އޮފް ޓޫރިޒްމުން "އދ. ތެލުވެލިގާ" ކުއްޔަށް ހިފި ފަރާތެވެ. ކާސްޓްއަވޭ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަކީ ތެލުވެލިގާގެ ސަބްލީޒް ހޯލްޑަރެވެ. އަދި ހައިކޯޓަށް ހުށަހެޅި މައްސަލައިގައި، އެފަރާތުގެ ޝަކުވާއަކަށްވީ ހެޑްލެސީގެ ބަހެއް ނުހޯދައި އދ.ތެލުވެލިގާގެ ރަހުނު ތަންފީޒު ކުރުމަށް ސިވިލް ކޯޓުން ޙުކުމްކުރުމެވެ. ހައިކޯޓުން އެ މައްސަލަ ބަލަމުންގެންދިޔައީ އެކޯޓުގެ ނަންބަރު 2019/HC-A/254 ޤަޟިއްޔާއިންނެވެ. އަދި ސިވިލް ކޯޓުގެ ނަންބަރު 476/Cv-C/2018 ޤަޟިއްޔާގެ ޙުކުމް ތަންފީޒުކުރުން ފަސްކުރުމުގެ އަމުރެއް 23 މެއި 2019 ގައި އެކޯޓުން ނެރުނެވެ.

ހުށަހެޅިފައިމިވާ މައްސަލައަކީ، ސިވިލް ކޯޓުގެ ނަންބަރު 476/Cv-C/2018 ޤަޟިއްޔާގެ އިސްތިއުނާފުގެ މުއްދަތު ފާއިތުވީ ފަހުން، އެ މައްސަލަ ހައިކޯޓަށް ބަލައިގަނެ ކުރިއަށް ގެންދާކަމަށް ބުނެ ބޭންކް އޮފް ސިލޯންގެ ފަރާތުން ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-L/110 ފޯމުން ބެލެނިވެރިކަމުގެ އިޚްތިޞާޞްގެ ދަށުން ޝަކުވާ ބަލައިދިނުމުގެ ހުއްދައަށް އެދި ހުށަހެޅި މައްސަލައެކެވެ.

ހައިކޯޓުން މައްސަލަ ބަލައިގަނެ ރަޖިސްޓަރީކޮށްފައިވަނީ ގަވާއިދާ ޚިލާފަށްކަމަށް ކަނޑައެޅުން

ބޭންކް އޮފް ސިލޯނުން ސުޕްރީމް ކޯޓުގައި ކޮށްފައިވާ ޝަކުވާގައި އެދިފައިވާ މައިގަނޑު ކަމަކީ، ހައިކޯޓުގެ ނަންބަރު 2019/HC-A/254 ޤަޟިއްޔާ އެކޯޓުން ބަލައިގަނެ ހިންގާފައިވަނީ ހައިކޯޓު ގަވާއިދުގެ 29 ވަނަ މާއްދާގެ (ނ) އާ ޚިލާފަށްކަމަށް ކަނޑައަޅައި، އެޤަޟިއްޔާގެ އިސްތިއުނާފީ ދަޢުވާ ފޯމު ސުޕްރީމް ކޯޓުން ބާޠިލުކޮށްދިނުމެވެ. އަދި ހައިކޯޓުން 23 މެއި 2019 ގައި ނެރެފައިވާ ޙުކުމް ތަންފީޒުކުރުން ފަސްކުރުމުގެ އަމުރު ބާޠިލުކަމަށް ކަނޑައަޅައި، އެ މޭރުމުން ސުޕްރީމް ކޯޓުން އަމުރެއް ނެރެދިނުމަށެވެ.

ހައިކޯޓުގެ ނަންބަރު 2019/HC-A/254 ޤަޟިއްޔާގެ އިސްތިއުނާފު ހުށަހެޅި ފަރާތަކީ ތެލުވެލިގާ ރިޓްރީޓް ޕްރައިވެޓް ލިމިޓެޑް ކަމުގައިވާއިރު، މި ޤަޟިއްޔާގެ އެއްވެސް އަޑުއެހުމެއް އަދި ނުބޭއްވޭކަމަށް ތެލުވެލިގާ ރިޓްރީޓް ޕްރައިވެޓް ލިމިޓެޑުންވެސް ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި ފާހަގަކޮށްފައިވެއެވެ.

ހައިކޯޓު ގަވާއިދުގެ 29 ވަނަ މާއްދާގެ (ނ) ގައި އޮންނަނީ ގަވާއިދުގެ ދަށުން ކަނޑައެޅިފައިވާ މުއްދަތުތައް ފާއިތުވުމަށްފަހުވެސް، އަމިއްލަ ބާރު ނުފޯރާފަދަ މަޤުބޫލު ސަބަބެއް ހުށަހަޅައިފިނަމަ އެކަމެއްގެ އިސްތިއުނާފު ޤަބޫލުކުރުމުގެ އިޚްތިޔާރު ހައިކޯޓުގެ ފަނޑިޔާރުންނަށް ލިބިދެވިފައިވާކަމަށެވެ.

މި މައްސަލައިގައި ގަވާއިދާ ޚިލާފަށް ހިނގާފައިވަނީ ކޮންކަމެއްކަން ބޭންކް އޮފް ސިލޯނަށް ބުނެދެވިފައިނުވެއެވެ. އެހެނީ، މައްސަލަތައް ހުށަހެޅުމަށް ވަކި މުއްދަތެއް ކަނޑައެޅިފައިވީނަމަވެސް، އެ މުއްދަތުގެ ތެރޭގައި މައްސަލަ ހުށަނޭޅި އޮތުމަކީ މަޤުބޫލު ސަބަބެއް ނަމަ، އެ މައްސަލައެއް ބަލައިގަނެ ހިންގުމުގެ ބާރު ހައިކޯޓަށް ލިބިދެވިފައިވެއެވެ. މި މައްސަލައިގައި ކަންހިނގާދިޔައީ ކިހިނެއް ކަމެއް ބޭންކް އޮފް ސިލޯނަށް ބުނެދެވިފައިނުވާ ޙާލު، ޝަކުވާގެ ގޮތުގައި މިހާރު ސުޕްރީމް ކޯޓަށް ހުށަހަޅާފައި ހުރި ކަންތައްތަކަކީ ހައިކޯޓުގައި އިޖުރާއީ ނުކުތާގެ ސިފައިގައިވެސް ހުށަނާޅާ ކަންތައްތަކެއްކަން ބޭންކް އޮފް ސިލޯނުގެ އިޢުތިރާފުން އެނގެއެވެ.

24 އޮގަސްޓް 2014 ގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނެރުނު ނަންބަރު 2014/01/SC ސަރކިއުލަރގައި އިޖުރާއީ ގޮތުން ކަނޑައަޅާ ކަނޑައެޅުންތައް އިސްތިއުނާފުކުރުމާ މެދު ޢަމަލުކުރަންވީ ގޮތް ބަޔާންކޮށްފައިވެއެވެ. އެގޮތުން، ޝަރުޢީ ކޯޓުތަކުގައި ނެގޭ އިޖުރާއީ ނުކުތާތަކާ ގުޅޭ ކަނޑައެޅުންތައް ޢާންމު އުޞޫލެއްގެ ގޮތުން އިސްތިއުނާފު ކުރެވޭނީ އެ މައްސަލައެއް އޮތް ކޯޓަކުން މައުޟޫޢީ ގޮތުން އެ މައްސަލައެއް ބަލައި ފައިސަލާކުރަނިވި ޙުކުމެއް އިއްވުމުން، އެ ޙުކުމެއް އިސްތިއުނާފުކުރެވޭ ޙާލަތުގައެވެ. މި ޢާންމު އުޞޫލުން އިސްތިސްނާވަނީ މައްސަލައެއް ބަލަމުންދާ ކޯޓަކަށް އިޚްތިޞާޞް ނުލިބޭކަމަށް ބުނެ ހުށަހަޅާ މައްސަލަތަކެވެ.

ޙަވާލާ ދެވުނު އުޞޫލަށް ބެލުމުންވެސް، މައްސަލައެއް ބަލައިގަތް ގޮތްފަދަ ކަންކަމަކީ އޭގެ ޒާތުގައި އެ މައްސަލައެއްގެ ތެރޭގައި އިޖުރާއީ ނުކުތާއެއް ނެގުމަށްފަހު، އެ މައްސަލައިގައި ފައިޞަލާކުރަނިވި ޙުކުމެއް ކުރުމުން އެކަމެއް އިސްތިއުނާފު ކުރެވިދާނެ ކަންކަމެވެ. ހުށަހެޅިފައިމިވާ މައްސަލައިގައި، ހައިކޯޓަށް މައްސަލަބެލުމުގެ އިޚްތިޞާޞްއާ ބެހޭ ނުކުތާއެއް ބޭންކް އޮފް ސިލޯނުގެ ފަރާތުން ހުށަހަޅާފައިނުވެއެވެ.

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައިވެސް ބޭންކް އޮފް ސިލޯނުގެ މުޅި ޝަކުވާ ބިނާވަނީ އެހެން މަރުޙަލާއެއްގައި ނުދައްކާ ވާހަކަތަކެއްގެ މައްޗަށެވެ. ހައިކޯޓުން ބަލަމުންގެންދާ އިސްތިއުނާފީ މައްސަލައެއްގައި، އެ ކޯޓުން އެ މައްސަލައާ ގުޅޭގޮތުން ޙުކުމެއް ކުރުމުގެ ކުރިން ސުޕްރީމް ކޯޓުން އެމައްސަލަ ބާޠިލުކޮށްދިނުމަކީ، ސުޕްރީމް ކޯޓުން ހައިކޯޓުގެ އިސްތިއުނާފީ މައްސަލަތައް ބެލުމުގައި ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގައި ބަޔާންކުރެވިފައިވާ އިޖުރާޢާތުތަކާ ޚިލާފު ޢަމަލެއްކަން ފާހަގަކުރަމެވެ. މި މައްސަލައިގައި ހުށަހަޅާފައިވަނީ އިސްތިއުނާފަކަށް ނުވިނަމަވެސް، މި މައްސަލައިގެ ޝަކުވާއަކީ، އެހެނިހެން އިސްތިއުނާފީ މައްސަލަތަކުގައިވެސް ޢަމަލުކުރާ ފަދައިން، އެ ޝަކުވާއެއް ނުވަތަ ޤާނޫނީ ނުކުތާއެއް މައްސަލަ ހިނގަމުން ދާއިރު ޝަރީޢަތުގެ މަރުޙަލާގައި ހުށަހެޅި، ހައިކޯޓުގެ ޝަރީޢަތުން އެކަމަކާ މެދު ގޮތެއް ކަނޑައަޅަންޖެހޭ ކަންކަމެވެ. މި ޢާންމު އުޞޫލުން ބޭންކް އޮފް ސިލޯން އިސްތިސްނާވާންވީ އެއްވެސް ސަބަބެއްނެތެވެ.

އިސްތިއުނާފީ މައްސަލައެއްގެ ޝަރީޢަތެއް ހައިކޯޓުގައި ހިނގަހިނގާ އޮއްވާ، އެ މައްސަލައެއް ބާޠިލުކޮށްދިނުމަށް އެދުމަކީ ޤާނޫނު ދަންނަ އިޖުރާއާތްތަކުގެ ބޭރުން ނިޒާމުގެ ނާޖާއިޒު ފައިދާ ނެގުމަށް މަސައްކަތްކުރުމެވެ.

ނެގޯޝިއޭޓްކުރުމުގެ އުކުޅަކަށް ޝަރުޢީ މަރުޙަލާ ބޭނުންކުރުން

23 ސެޕްޓެމްބަރ 2020 ގައި ސުޕްރީމް ކޯޓުގައި ބޭއްވުނު މި މައްސަލައިގެ އެންމެ ފަހު އަޑުއެހުމުގައި ތެލުވެލިގާ ރިޓްރީޓް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ބުނެފައިވަނީ، އެފަރާތާއި ބޭންކް އޮފް ސިލޯނާއި އަދި މި މައްސަލާގައި ހިމެނޭ އެންމެހާ ފަރާތްތައް ޝާމިލްވާފަދައަކުން ވާހަކަދެކެވި ސެޓްލްމަންޓް އެގްރީމަންޓަކަށް މިހާރު އާދެވިފައިވާކަމަށާއި، އަދި ސެޓްލްމަންޓް އެގްރިމަންޓްގައިވާ ގޮތުގެ މަތިން މި މައްސަލައިގައި ހިމެނޭ ލޯނު ފެސިލިޓީ މިހާރު ރީސްޓްރަކްޗަރ ކުރެވިގެންދާކަމަށެވެ.

ދެފަރާތު ދެމެދު އޮތް ސެޓްލްމަންޓް އެގްރިމެންޓުގެ ދަށުން ހިމެނިފައިވާ ކަންކަމުގެ ތެރޭގައި ހައިކޯޓުގެ ނަންބަރު 2019/HC-A/254 ޤަޟިއްޔާގެ މައްސަލަ ބާޠިލުކޮށްދިނުމަށް އެމައްސަލަ އިސްތިއުނާފުކުރި ތެލުވެލިގާ ރިޓްރީޓް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އެދުމާއި، އަދި މިހާރު ސުޕްރީމް ކޯޓުގައި ބަލަމުން މިދާ މައްސަލަވެސް އަނބުރާ ގެންދިއުމަށް ބޭންކް އޮފް ސިލޯނުގެ ފަރާތުން އެދެން ހަމަޖެހިފައިވާކަމަށް ތެލުވެލިގާ ރިޓްރީޓް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ބުނެފައިވެއެވެ. އަދި 22 ސެޕްޓެމްބަރ 2020 ގައި ހައިކޯޓުގެ ނަންބަރު 2019/HC-A/254 ޤަޟިއްޔާ ބާޠިލުކޮށްދިނުމަށް އެދިފައިވާނެކަމަށް 23 ސެޕްޓެމްބަރ 2020 ގައި ސުޕްރީމް ކޯޓުގައި ބޭއްވުނު އަޑުއެހުމުގައި ތެލުވެލިގާ ރިޓްރީޓް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ފާހަގަކޮށްފައިވެއެވެ. އަދި މިހާރު މި މައްސަލަ ސުޕްރީމް ކޯޓުގައި ކުރިއަށް ގެންދިއުމުގެ މަޞްލަޙަތެއް ނެތްކަމަށް ބުނެފައިވެއެވެ.

މިކަމާ ގުޅިގެން ބޭންކް އޮފް ސިލޯނުގެ ފަރާތުން ބުނެފައިވަނީ ސުޕްރީމް ކޯޓުގައި ބަލަމުން މިދާ މައްސަލަ އަނބުރާ ގެންދިއުމަށް ސެޓްލްމަންޓް އެގްރީމެންޓުގައި އެއްބަސްވެފައި ނުވާނެކަމަށާއި، ނަމަވެސް 22 ސެޕްޓެމްބަރ 2020 ގައި ހައިކޯޓުގެ ނަންބަރު 2019/HC-A/254 ޤަޟިއްޔާ ބާޠިލުކޮށްދިނުމަށް އެދި ތެލުވެލިގާ ރިޓްރީޓް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ހައިކޯޓަށް ފޮނުވާފައިވާކަމަށް ބުނާ ސިޓީއަކީ ބޭންކް އޮފް ސިލޯންއަށް ކޮޕީކުރެވިފައިވާ ސިޓީއެއްނޫންކަމަށެވެ. އެހެންނަމަވެސް، ތެލުވެލިގާ ރިޓްރީޓް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ހައިކޯޓުގައި ހިނގަމުންދާ މައްސަލަ އަނބުރާ ނެގުމަށް އެދިފައިވާކަމަށް ސުޕްރީމް ކޯޓުގައި ބުނެފައިވާތީ، އެ ފަރާތުން އެ މައްސަލަ އަނބުރާ ނަގައިފިކަމަށްވާނަމަ މި މައްސަލަ ބާޠިލުކޮށްދިނުމަށް އެދޭކަމަށް ބޭންކް އޮފް ސިލޯނުގެ ފަރާތުން ބުނެފައިވެއެވެ.

ސުޕްރީމް ކޯޓަކީ ޢަދުލު އިންޞާފު ޤާއިމްކުރުމުގެ އެންމެ އިސް ފަރާތެވެ. ސުޕްރީމް ކޯޓަކީ ދޭދޭ ފަރުދުންގެ މެދުގައި އުފެދޭ ޚުޞޫމާތްތަކުގެ ތެރޭގައި ޤާނޫނު ނުދަންނަ އިޖުރާޢާތެއްގެ ތެރެއިން މައްސަލަ ހުށަހަޅައި، އެ މައްސަލަ ކޯޓު ތެރޭގައި އޮންނަ މުއްދަތުގައި ދެފަރާތު ދެމެދު ނެގޯޝިއޭޓު ކުރަން ނުވަތަ މީޑިއޭޓުކުރަން އޮތް މަގެއްކަމުގައި ބަލައިގެންނުވާނެއެވެ. ޝަރުޢީ މަރުޙަލާގައި މައްސަލަތައް ތާށިވެ، އެ މައްސަލަތަކުގައި ގޮތް ކަނޑައެޅުމަށް އެތައް އަހަރުތަކެއް ފާއިތުވެގެންދާއިރު، މިބާވަތުގެ މައްސަލަތަކަކީ މުސްތަޤުބަލުގައިވެސް، ބަލައިގަނެގެން ހިންގާ މައްސަލަތަކެއް ކަމުގައިވާނަމަ، މިބާވަތުގެ ޢަމަލުތަކުން ނިކުންނާނެ ނަތީޖާއަކީ އިންސާފު ޤާއިމްކުރުމަށް ހުރަސް އެޅުމެވެ. އެހެނީ ކޯޓުގެ ފަނޑިޔާރުންނާއި މުވައްޒަފުންނާއި ކޯޓުގެ ހުރިހާ ވަޞީލަތްތަކެއް މިބާވަތުގެ މައްސަލަތައް ބަލަން ބޭނުންކުރެވޭއިރު، ޙަޤީޤަތުގައިވެސް އިންސާފު ހޯދަން އަންނަ ފަރާތްތަކުގެ މައްސަލަތައް އިތުރަށް ލަސްވުން ނޫން އެހެން ނަތީޖާއެއް ނުނިކުންނާނެއެވެ.

ޝަރުޢީ މަރުޙަލާގައި ހުރި މައްސަލަތައް ލަސްވާ ވާހަކަ ދެކެވޭއިރު، ނެގޯޝިއޭޓް ކުރުމުގެ ބޭނުމުގައި ޤާނޫނު ނުދަންނަ އިޖުރާއާތްތަކުގެ ތެރެއިން މައްސަލަ ހުށަހަޅާ ފަރާތްތަކުގެ ޢަމަލުތަކުން ކޯޓުގެ އަގުހުރި ވަގުތު ގެއްލި، އިންސާފު ޤާއިމްކުރުމަށް ކުރެވޭ މަސައްކަތްތަކަށް ހުރަސްއެޅެއެވެ.

އިސްވެ ފާހަގަކުރެވުނު ކަންކަން އެގޮތުގެ މަތިން ހުރުމާއެކު، ބޭންކް އޮފް ސިލޯނުން ހުށަހަޅާފައިވާ ޝަކުވާއާ ގުޅިގެން އިތުރު ފިޔަވަޅެއް ސުޕްރީމް ކޯޓުން އަޅާނެ ތަނެއް އޮތްކަމަށް އަހުރެން ނުދެކެމެވެ.

ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުގެ ރަޢުޔު

މި މައްސަލައިގައި ފަނޑިޔާރު އަޒްމިރާލްދާ ޒާހިރުގެ ރައުޔަށް އަހުރެން ތާއީދު ކުރަމެވެ.

ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންގެ ރަޢުޔު

މި މައްސަލައިގައި ފަނޑިޔާރު އަޒްމިރާލްދާ ޒާހިރުގެ ރައުޔަށް އަހުރެން ތާއީދު ކުރަމެވެ.

ނިންމުން

ދެންފަހެ، އިސްވެ ބަޔާންވެދިޔަ ކަންކަން އެގޮތުގެ މަތިން ހުރުމާއެކު، ބޭންކް އޮފް ސިލޯނު (ރަޖިސްޓްރޭޝަން ނަންބަރު FC-0014/2015) ގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-L/110 ފޯމުން ބެލެނިވެރިކަމުގެ އިޚްތިޞާޞްގެ ދަށުން ޝަކުވާ ބަލައިދިނުމަށް އެދި ހުށަހެޅި މައްސަލައަކީ، ދިވެހިރާއްޖޭގައި ޢަމަލު ކުރަމުންދާ ޤާނޫނީ ނިޒާމުގެ ތެރެއިން ޙައްލު ހޯދެން އޮތް މައްސަލައެއްކަމުން، މިޝަކުވާއާ މެދު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން އިތުރު ފިޔަވަޅެއް އަޅާނެ ތަނެއް ނެތްކަމަށް ކަނޑައަޅައި، މި މައްސަލަ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ނިންމައިފީމެވެ.

މަޙާޒު ޢަލީ ޒާހިރު އަޒްމިރާލްދާ ޒާހިރު ޢަލީ ރަޝީދު ޙުސައިން

07 ޞަފަރު 144224 ސެޕްޓެމްބަރ 2020

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ޝެއަރ ކުރައްވާ