ދިވެހިރާއްޖޭގެ މަތީ މަރުޙަލާގެ ކޯޓުތަކުން ކަނޑައަޅާފައިވާ ޤާނޫނީ އުޞޫލުތައް

Maldives Legal Precedents

Saeed Lex
[2021] SC 106 · 2020/SC-A/102, 2020/SC-A/103, 2020/SC-A/104, 2020/SC-A/105, 2020/SC-A/106ސުޕްރީމް ކޯޓު · 28 ނޮވެމްބަރު 2021

މުޙައްމަދު އަސްލަމް އަދި އިސްމާޢީލް ސުވައިދު އިތުރު 3 ފަރާތެއް ވ. ދިވެހި ދައުލަތް (މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް)

ސުޕްރީމް ކޯޓު
ފަހުގެ ޙުކުމެއްގައި ޙަވާލާދީފައެއް ނުފެނޭޙުކުމުގެ ހާލަތު
ސުޕްރީމް ކޯޓު · 28 ނޮވެމްބަރު 2021ބާވަތް: އެހެނިހެން

ޚުލާޞާ

ޚުލާޞާ ނެތް.

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
—
ފަހުގެ ތާރީޚު
—

ނިންމުން

—

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

މި ލިޔުމުން އުޞޫލެއް ނުނެގުނު.

ފަނޑިޔާރުން

ބެންޗު
—
ޚިލާފު ރައުޔު
ނެތް

ޝަރީޢަތުގެ ވީޑިއޯ

ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު

2020/SC-A/102

2020/SC-A/103

2020/SC-A/104

2020/SC-A/105

2020/SC-A/106

ޝަރީޢަތް ނިމުނުގޮތް

މުޙައްމަދު އަސްލަމް އަދި އިތުރު 4 ފަރާތެއް ވ. ދިވެހި ދައުލަތް (މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް)

ފަނޑިޔާރުންގެ މަޖިލިސް

ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްފަނޑިޔާރު ޙުސްނުއް ސުޢޫދުފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންނިމުނު ތާރީޚު

28 ނޮވެންބަރު 2021އިސްތިއުނާފު ކުރެވުނު ޤަޟިއްޔާ

2019/HC-A/49

އިސްތިއުނާފު ރައްދުވާ ފަރާތް

އިސްތިއުނާފުކުރާ ފަރާތް

ދިވެހި ދައުލަތް (މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް)

މުޙައްމަދު އަސްލަމް، މުޝްތަރީގެ ދ. މީދޫ 2. އިސްމާޢީލް ސުވައިދު، ހ. އެކްސެލް، މާލެ 3. މަރްޔަމް ރަޝީދާ އިބްރާހީމް، ހ. އެކްސެލް، މާލެ

ވަކީލު: ސީނިއަރ ސްޓޭޓް އެޓަރނީ ޢަލީ ޝުހައިލް މުޙައްމަދު،

ސްޓޭޓް އެޓަރނީ ސާދިހު ނަސީރު

ބަދަލުގައި: އާމިނަތު ސުވެއިޒާ ނައީމް

މުޞްތަފާ މުޙައްމަދުދީދީ

ބަދަލުގައި: އިސްމާޢީލް ވިޝާމް

އަލްފަތުޙު ޙައްޖު އެންޑް ޢުމްރާ ގްރޫޕް ޕްރައިވެޓް ލިމިޓެޑް

ބަދަލުގައި: ޢަބްދުﷲ އަޙްމަދު، ދަފްތަރު ނަންބަރު ރސ 1880މަދަނީ – އެއްބަސްވުމާއި ޚިލާފުވުން – ކުންފުންޏާބެހޭ ޤާނޫނުގެ 15 ވަނަ މާއްދާ، 18 ވަނަ މާއްދާ އަދި 74 ވަނަ މާއްދާ – ކުންފުނީގެ ޤާނޫނީ ޝަޚްޞިއްޔަތުގެ ފަރުދާ ނެގުން – ޑިރެކްޓަރުންނާއި ހިއްސާދާރުން ޒިންމާކުރުވުން

މުޙައްމަދު އަސްލަމް އަދި އިތުރު 4 ފަރާތެއް ވ. ދިވެހި ދައުލަތް (މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް)

ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމް (ފަނޑިޔާރު ޙުސްނުއްސުޢޫދު އަދި ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިން ތާއީދު ކުރައްވާފައި)

ތަޢާރުފު

ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2019/HC-A/49 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށްޓަކައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް 05 (ފަހެއް) އިސްތިއުނާފީ މައްސަލަ ހުށަހެޅުނެވެ. އެއީ، ދައުލަތު (މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް) ގެ މައްޗަށް ރައްދުވާ ގޮތަށް ދ. މީދޫ، މުޝްތަރީގެ، މުޙައްމަދު އަސްލަމް(މީގެ ފަހުން "މުޙައްމަދު އަސްލަމް") ގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅުމުން މި ކޯޓުގެ ނަންބަރު 2020/SC-A/102 ޤަޟިއްޔާއިން ބެލި އިސްތިއުނާފީ މައްސަލައާއި، ދައުލަތު (މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް) ގެ މައްޗަށް ރައްދުވާ ގޮތަށް ހ. އެކްސެލް، އިސްމާޢީލް ސުވައިދު (މީގެ ފަހުން "އިސްމާޢީލް ސުވައިދު") ގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅުމުން ބެލި މި ކޯޓުގެ ނަންބަރު 2020/SC-A/103 އިސްތިއުނާފީ މައްސަލައާއި، ދައުލަތު (މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް) ގެ މައްޗަށް ރައްދުވާ ގޮތަށް ހ. އެކްސެލް، މަރްޔަމް ރަޝީދާ އިބްރާހީމް (މީގެ ފަހުން "މަރްޔަމް ރަޝީދާ އިބްރާހީމް") ގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅުމުން ބެލި މި ކޯޓުގެ ނަންބަރު 2020/SC-A/104 އިސްތިއުނާފީ މައްސަލައާއި، ދައުލަތު (މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް) ގެ މައްޗަށް ރައްދުވާ ގޮތަށް މުޞްތަފާ މުޙައްމަދުދީދީ، (މީގެ ފަހުން "މުޞްތަފާ މުޙައްމަދުދީދީ" ނުވަތަ "މެނޭޖިންގ ޑިރެކްޓަރ") ގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅުމުން ބެލި މި ކޯޓުގެ ނަންބަރު 2020/SC-A/105 އިސްތިއުނާފީ މައްސަލައާއި، ދައުލަތު (މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް) ގެ މައްޗަށް ރައްދުވާ ގޮތަށް އަލްފަތުޙު ޙައްޖު އެންޑް ޢުމްރާ ގްރޫޕް ޕްރައިވެޓް ލިމިޓެޑް (ކުންފުނި ރަޖިސްޓްރީ ނަންބަރު C-0019/2010) (މީގެ ފަހުން "އަލްފަތުޙު ޙައްޖު އެންޑް ޢުމްރާ ގްރޫޕް" ނުވަތަ "ކުންފުނި") ގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅުމުން ބެލި މި ކޯޓުގެ ނަންބަރު 2020/SC-A/106 ޤަޟިއްޔާއެވެ.

މިއީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅުނު، ބުނެވުނު 05 (ފަހެއް) އިސްތިއުނާފީ މައްސަލަ އެއްކޮށް ހިންގުމަށްފަހު، އެ 05 (ފަހެއް) މައްސަލައިގައި ސުޕްރީމް ކޯޓުން ކަނޑައަޅާ ނިޔާއެވެ.

މައްސަލައިގެ ފަސްފަހަތް

ޙައްޖަށް މީހުން ގެންދިއުމާގުޅޭ އުޞޫލާ ޚިލާފަށް އަލްފަތުޙު ޙައްޖު އެންޑް ޢުމްރާ ގުރޫޕްއިން މީހުން އަތުން ފައިސާ ނަގައި 1435 ވަނަ އަހަރު އެ ފަރާތްތައް ޙައްޖަށް ފޮނުވާނެކަމަށް ވަޢުދުވެ އެ ފަރާތްތައް ފުރަން ކަނޑައެޅި ތާރީޚު ކަމުގައިވާ 15 ސެޕްޓެންބަރު 2014 އައި އިރުވެސް އެ ދަތުރުގެ އިންތިޒާމުތައް ހަމަޖެހިފައި ނުވާތީވެ އޭގެ 30 (ތިނެއް) ދުވަސް ކުރިން 11 ސެޕްޓެންބަރު 2014 ގައި އަލްފަތުޙު ޙައްޖު އެންޑް ޢުމްރާ ގްރޫޕްއިން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ އެހީތެރިކަމަށް އެދިފައިވާތީވެ ދައުލަތުން ބޮޑު ޚަރަދުތަކެއް ކޮށްގެން އެ ކުންފުނިން ފައިސާ ނެގި މީހުންގެ ތެރެއިން 121 މީހަކު 1435 ވަނަ އަހަރު ޙައްޖަށް ފޮނުވިއެވެ.

ދައުލަތުން ކޮށްފައިވާ ޚަރަދުތަކުގެ ޖުމްލައަކީ 6,722,408.99ރ. (ހަމިލިޔަން ހަތްލައްކަ ބާވީސްހާސް ހަތަރުސަތޭކަ އަށްރުފިޔާ ނުވަދިހަ ނުވަލާރި) ކަމާއި، މި ޚަރަދުތަކުގެ ތެރޭގައި 121 މީހުންނަށް ވައިގެ މަގުން ސައުދީ ޢަރަބިއްޔާއަށް ދިއުމާއި، ހުރުމާއި، ކެއުމާއި އަދި މި ނޫންވެސް އިންތިޒާމީ ޚަރަދުތައް ހިމެނެއެވެ.

ދައުލަތުން ކޮށްފައިވާ ޚަރަދުތަކަކީ، އަލްފަތުޙު ޙައްޖު އެންޑް ޢުމްރާ ގްރޫޕްގެ އެދުމުގެ މަތިން އަނބުރާ ދައްކާ ގޮތަށް ކޮށްފައިވާ ޚަރަދުތަކެވެ. މި ޚަރަދުތައް އަނބުރާ ދެއްކުމާ ގުޅޭގޮތުން 11 ސެޕްޓެންބަރު 2014 ގައި އަލްފަތުޙު ޙައްޖު އެންޑް ޢުމްރާ ގުރޫޕްގެ މެނޭޖިންގ ޑިރެކްޓަރ މުސްތަފާ މުޙައްމަދުދީދީ އެ ކުންފުނީގެ ފަރާތުން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒަށް ފޮނުވާފައިވާ ސިޓީގައި ދައުލަތުން ކޮށްފައިވާ ޚަރަދުތައް އެ ކުންފުނިން ދައްކަން އެއްބަސްވެ، އެ ކުންފުނިން އެ ފައިސާ ނުދެއްކިއްޖެ ޙާލަތެއްގައި މުސްތަފާ މުޙައްމަދުދީދީގެ އަމިއްލަ ހައިސިއްޔަތުން އެ ފައިސާއަށް ޖާމިނުވެ، އޭނާގެ ހުރިނަމަ ހުރި މުދަލެއް ވިއްކައިގެން އެ ފައިސާ ދައްކައި ޚަލާސްކުރާނޭ ކަމަށް އޭނާގެ ފަރާތުން ދިވެހި ސަރުކާރަށް ޔަޤީންކަން ދީފައިވެއެވެ.

ނަމަވެސް އެއްބަސްވެފައިވާ ގޮތުގެމަތިން މި ފައިސާ ދައްކާފައި ނުވާތީވެ، އަލްފަތުޙު ޙައްޖު އެންޑް ޢުމްރާ ގްރޫޕަށް ފައިސާ ދެއްކުމަށް އެކިފަހަރު މަތިން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްއިން އަންގާފައި ވެއެވެ. މިގޮތުން ދައުލަތުން ޚަރަދުކޮށްފައިވާ ފައިސާ ދެއްކުމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ފަރާތުން 24 ސެޕްޓެންބަރު 2014 އާއި، 25 ފެބުރުވަރީ 2015 އާއި 13 މޭ 2015 ގައި އަލްފަތުޙު ޙައްޖު އެންޑް ޢުމްރާ ގްރޫޕްއަށް ފޮނުވާފައިވާ ސިޓީތަކުން އަންގާފައިވެއެވެ. ދައުލަތުގެ ޚަރަދުގައި ޙައްޖަށް ގެންދިޔަ މީހުންގެ ޚަރަދު އަނބުރާ އެ ކުންފުނިން ދައްކާފައި ނުވާތީ، އެ ޚަރަދު އަނބުރާ ލިބިގަތުމަށް އެދި އަލްފަޠުޙު ޙައްޖު އެންޑް ޢުމްރާ ގްރޫޕް އާއި އެ ކުންފުނީގެ ޑިރެކްޓަރުން ކަމުގައިވާ މުޞްޠަފާ މުޙައްމަދުދީދީ އާއި، މަރްޔަމް ރަޝީދާ އިބްރާހީމް އާއި، މުޙައްމަދު އަސްލަމް އާއި އިސްމާޢީލް ސުވައިދުގެ މައްޗަށް 01 އޮކްޓޫބަރު 2017 ގައި ސިވިލް ކޯޓުގައި ދައުލަތުން ދަޢުވާ ކުރިއެވެ.

ސިވިލް ކޯޓުގެ ނިންމުން

އަލްފަތުޙު ޙައްޖު އެންޑް ޢުމްރާ ގްރޫޕް އާއި އެ ކުންފުނި ޙިއްސާވާ މުޞްތަފާ މުޙައްމަދުދީދީ އާއި މަރްޔަމް ރަޝީދާ އިބްރާހީމް އާއި، މުޙައްމަދު އަސްލަމް އާއި، އިސްމާޢީލް ސުވައިދުއަކީ އެ ކުންފުނީގެ ޑިރެކްޓަރުންނެވެ. މި ފަރާތްތަކުގެ މައްޗަށް ދައުލަތުން ކޮށްފައިވާ ޚަރަދުތައް ހޯދުމަށްޓަކައި ސިވިލް ކޯޓުގައި ދައުލަތުން ދަޢުވާކުރުމުން އެ މައްސަލަ ބަލައި ޙުކުމްކޮށްފައިވަނީ އެ ކޯޓުގެ ނަންބަރު 2717/Cv-C/2017 ޤަޟިއްޔާއިން 11 އޮކްޓޫބަރު 2018 ގައެވެ.

ސިވިލް ކޯޓުން މި މައްސަލައިގައި ކޮށްފައިވާ ޙުކުމް ގައި ބުނެފައިވަނީ 4,939,600.71ރ. (ހަތަރުމިލިއަން ނުވަލައްކަ ތިރީސްނުވަހާސް ހަސަތޭކަ ރުފިޔާ ހަތްދިހަ އެއްލާރި) އަކީ ދައުލަތަށް ލިބެންޖެހޭ ފައިސާ ކަމުގައިވާތީ، 11 އޮކްޓޫބަރު 2018 އިން ފެށިގެން 06 (ހައެއް) މަސްދުވަހުގެ ތެރޭގައި އަލްފަޠުޙު ޙައްޖު އެންޑް ޢުމްރާ ގްރޫޕްއަށް ދައްކަންޖެހޭ ކަމަށް އަންގައެވެ. އަދި މި ގޮތަށް ނިންމާފައިވަނީ އަންނަނިވި ސަބަބުތަކުގެ މައްޗަށް ބިނާކޮށެވެ.

ދައުލަތުން ހޯދުމަށް އެދިފައިވާ ޙާޖީންގެ އެއަރ ޓިކެޓް 1,942,441.98ރ. (އެއްމިލިއަން ނުވަލައްކަ ސާޅީސްދެހާސް ހަތަރުސަތޭކަ ސާޅީސްއެއް ރުފިޔާ ނުވަދިހަ އަށްލާރި) އަކީ އަލްފަތުޙު ޙައްޖު އެންޑް ޢުމްރާ ގްރޫޕްއިން އެޑްވާންސްގެ ގޮތުގައި ދައްކާފައިވާ $30,000 (ތިރީސްހާސް އެމެރިކާ ޑޮލަރު) ދިވެހި ފައިސާއަށް ބަދަލުކުރުމުންޖެހޭ 462,600ރ. (ހަތަރުލައްކަ ފަސްދޮޅަސް ދެހާސް ހަސަތޭކަ ރުފިޔާ) އުނިކުރުމަށްފަހު ޓިކެޓްތަކުގެ ބާކީގެ ގޮތުގައި ދައުލަތުން ދައްކާފައިވާ ފައިސާގެ ޢަދަދާއި، ޢަޒީޒިއްޔާގެ ކެއުމުގެ ޚަރަދުގެ ގޮތުގައި ދައުލަތުން ހޯދުމަށް އެދިފައިވާ 247,379.67ރ. (ދެލައްކަ ސާޅީސްހަތްހާސް ތިންސަތޭކަ ހަތްދިހަނުވަ ރުފިޔާ ފަސްދޮޅަސް ހަތްލާރި) އާއި އެއަރޕޯޓު ޓެކްސްގެ ޚަރަދުގެ ގޮތުގައި 540,237.42ރ. (ފަސްލައްކަ ސާޅީސްހާސް ދުއިސައްތަ ތިރީސް ހަތްރުފިޔާ ސާޅީސް ދެލާރި) އާއި ހަދްޔު ކަތިލުމުގެ ޚަރަދުގެ ގޮތުގައި 162,136.76ރ. (އެއްލައްކަ ފަސްދޮޅަސްދެހާސް އެއްސަތޭކަ ތިރީސް ހަރުފިޔާ ހަތްދިހަ ހަލާރި) އާއި އިންސިޑެންޝަލް ޚަރަދުގެ ގޮތުގައި 311,097.46ރ. (ތިންލައްކަ އެގާރަހާސް ނުވަދިހަ ހަތްރުފިޔާ ސާޅީސް ހަލާރި) އަކީ އެ ކަންކަމަށް ދައުލަތުން ކޮށްފައިވާ ޚަރަދުތައް ކަން ހުށަހެޅިފައިވާ ލިޔުންތަކުން ޝަރީޢަތަށް އެނގެން އޮންނަކަން.

ދައްލާއަޖްޔާދު ހޮޓަލުގައި ހުރުމާއި، ޢަޒީޒިއްޔާގައި ހުރުމުގެ ޚަރަދުގެ ގޮތުގައި 1,782,808.28ރ. (އެއްމިލިއަން ހަތްލައްކަ އަށްޑިހަ ދެހާސް އަށްސަތޭކަ އަށްރުފިޔާ އަށާވީސްލާރި) ހޯދުމަށް ދައުލަތުން އެދިފައިވީ ނަމަވެސް، މި މައްސަލައިގައި ހިމެނިފައިވާ އިންވޮއިސްއަކީ އެމިރޭޓްސްގެ ނަންބަރު 4624 އިންވޮއިސް ކަމާއި އިތުރު އިންވޮއިސްއެއް ހުށަހެޅިފައި ނެތް ކަމާއި، މި ފައިސާއާ ގުޅިގެން ދައުލަތުން ހުށަހަޅާފައިވާ ޓްރާންސްފަރ ސްލިޕްގައި އެއްވެސް އިންވޮއިސްއަކަށް ޙަވާލާދީފައި ނުވުމުން، މި ޚަރަދަކީ އެ ގްރޫޕުގެ ފަރާތުން ނުވަތަ އެ ކުންފުނީގެ ފަރާތުން ފޮނުވަން ހަމަޖެހުނު ޙައްޖުވެރިންނަށް ކޮށްފައިވާ ޚަރަދެއްކަން ޝަރީޢަތަށް ދެނެގަނެވެން ނެތްކަން.

މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްއިން ހޯދުމަށް އެދިފައިވާ ފައިސާއަކީ ސީދާ އެ މިނިސްޓްރީގެ ފަރާތުން ޚަރަދުކޮށްފައިވާ ފައިސާއެއް ކަމަށްވާތީ، އެ ފައިސާއަށް އަލްފަތުޙު ޙައްޖު އެންޑް ޢުމްރާ ގްރޫޕް އާއި، އެ ކުންފުނީގެ ޑިރެކްޓަރުންނާއި، ހިއްސާދާރުން ޚިޔާނާތްތެރިވެފައިވާ ކަމަށް ޝަރީޢަތަށް ބުރަވެވެން ނެތުމުން، އެ ފައިސާއަށް އެ ގްރޫޕުގެ ޑިރެކްޓަރުންނާއި، ހިއްސާދާރުން ފަރުދީ ގޮތުން ޒިންމާވާންޖެހޭ ޙާލަތެއް އުފަންވެފައިވާ ކަމަށް ޝަރީޢަތަށް ބުރަވެވެން ނެތްކަން.

ސިވިލް ކޯޓުގެ ނިންމުން ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފުކަމަށް ބުނެ ދައުލަތުގެ ފަރާތުން، އެ މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓަށް އިސްތިއުނާފު ކުރިއެވެ.

ދިވެހިރާއްޖޭގެ ހައިކޯޓުގެ ނިންމުން

މި މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގައި ދައުލަތުން އިސްތިއުނާފު ކުރުމުން އެ ޤަޟިއްޔާ ބަލާފައިވަނީ އެ ކޯޓުގެ ނަންބަރު 2019/HC-A/49 ޤަޟިއްޔާ އިންނެވެ. ދައުލަތުގެ ފަރާތުން ސިވިލް ކޯޓުގެ ނިންމުން އިސްތިއުނާފު ކުރުމަށްޓަކައި ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅީ އަންނަނިވި 02 (ދޭއް) ނުކުތާއެވެ.

ސިވިލް ކޯޓުގެ ނަންބަރު 2717/Cv-C/2017 ޤަޟިއްޔާގެ ޙުކުމުގައި، ދައްލާއަޖްޔާދު ހޮޓަލުގައި އަދި ޢަޒީޒިއްޔާގައި ހުރުމުގެ ޚަރަދުގެ ގޮތުގައި 1,782,808.28ރ. (އެއްމިލިއަން ހަތްލައްކަ އަށްޑިހަދެހާސް އަށްސަތޭކަ އަށްރުފިޔާ އަށާވީސްލާރި) ނަގައިދިނުމަށް އެދިފައިވީ ނަމަވެސް، އެ ޚަރަދަކީ އަލްފަތުޙު ޙައްޖު އެންޑް ޢުމްރާ ގްރޫޕްއިން 1435 ވަނަ އަހަރު ޙައްޖަށް ފޮނުވަން ހަމަޖެހުނު ޙައްޖުވެރިންނަށް ކޮށްފައިވާ ޚަރަދެއްކަން ޝަރީޢަތަށް ދެނެގަނެވެން ނެތްކަމުގައި ކަނޑައަޅާފައިވަނީ އެ ޚަރަދު ސާބިތުކޮށްދިނުމަށް ދައުލަތުން ހުށަހެޅި ލިޔުމަށް ފުރިހަމައަށް ރިޢާޔަތްކުރުމެއްނެތި، ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ހ) އާއި ޚިލާފަށް ކަމަށް ބުނެ ހުށަހެޅި ނުކުތާ.

ސިވިލް ކޯޓުގެ ނަންބަރު 2717/Cv-C/2017 ޤަޟިއްޔާއިން ކޮށްފައިވާ ޙުކުމުގައި، ދައުލަތުން ހޯދުމަށް އެދޭ ފައިސާއަށް ކުންފުނީގެ ޑިރެކްޓަރުން ފަރުދީގޮތުން ޒިންމާވާން ނުޖެހޭނެ ކަމުގައި ސިވިލް ކޯޓުން ކަނޑައަޅާފައިވަނީ، މައްސަލައިގެ މުޅި މުޢާމަލާތަށް ފުރިހަމައަށް ރިޢާޔަތް ކުރުމެއްނެތި، ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނުގެ 74 ވަނަ މާއްދާއާ ޚިލާފަށް އަދި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ވޯލްޑް ލިންކް ޓްރެވަލް ޕްރައިވެޓް ލިމިޓެޑް ވ. ދިވެހި ދައުލަތް (މިނިސްޓްރީ އޮފް ޓޫރިޒަމް) އާއި އެއަރޕޯޓް އިންވެސްޓްމަންޓް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔާއާއި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޢުމަރު ނަޞީރު ވ. މުޙައްމަދު މުޞްޠަފާ ޤަޟިއްޔާއިން ކަނޑައަޅާފައިވާ ޤާނޫނީ މަބްދައުއަށް ރިޢާޔަތްކުރުމަކާ ނުލައި ކަމަށްވާތީ، އެ ނިންމުމަކީ ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ) އާ ޚިލާފަށް ނިންމާފައިވާ ނިންމުމެއް ކަމަށް ބުނެ ހުށަހެޅި ނުކުތާ.

ބަޔާންވެދިޔަ 02 (ދޭއް) ނުކުތާގެ މައްޗަށް ނަޒަރުކޮށް ދިވެހިރާއްޖޭގެ ހައިކޯޓުން ކޮށްފައިވާ ޙުކުމުގައި އަންނަނިވި ކަންކަން ބަޔާންކޮށްފައި ވެއެވެ.

ސިވިލް ކޯޓުގެ ނަންބަރު 2717/Cv-C/2017 ޤަޟިއްޔާގައި ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނުގެ 74 ވަނަ މާއްދާގެ (ހ) އަދި (ށ) އަށް ރިޢާޔަތްކޮށް ދަޢުވާގައި ބަޔާންކޮށްފައިވާ ދައުލަތުން ކޮށްފައިވާ ޚަރަދާ ގުޅިގެން އަލްފަތުޙު ޙައްޖު އެންޑް ޢުމްރާ ގްރޫޕްގެ ހިއްސާދާރުންނާއި، ޑިރެކްޓަރުން ފަރުދީ ގޮތުން ޒިންމާވާންޖެހޭ ޙާލަތެއް އުފަންވެފައި ނުވާކަމަށް ކަނޑައަޅާފައި އޮތް އޮތުމަށް ބަދަލުގެންނަން ދިވެހިރާއްޖޭގެ ހައިކޯޓުގައި މި މައްސަލަ ބެލި ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ނިންމާފައިވާކަން.

އިތުރަށް ފާހަގަކޮށްފައިވަނީ، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްއިން ޚަރަދުކުރި 4,939,600.71ރ. (ހަތަރުމިލިއަން ނުވަލައްކަ ތިރީސްނުވަހާސް ހަސަތޭކަ ރުފިޔާ ހަތްދިހަ އެއްލާރި) އަކީ އަލްފަތުޙު ޙައްޖު އެންޑް ޢުމްރާ ގްރޫޕްގެ ފަރާތުން ދައުލަތަށް ދައްކަންޖެހޭ ފައިސާއެއް ކަމަށް އޮތް އޮތުމަށް ތާއީދުކުރުމާއެކު އެ ފައިސާގެ އިތުރަށް އިތުރު ޚަރަދެއް އެ މުއާމަލާތާ ގުޅިގެން ދައުލަތުން ކޮށްފައިވާކަން މި މައްސަލައިގައި ހުށަހެޅިފައިވާ ލިޔުންތަކުން ޝަރީޢަތަށް ސާބިތުނުވާކަމަށް ކޮށްފައިވާ ޙުކުމުގެ އެ ބަޔަށް ބަދަލު ގެންނަންޖެހޭކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގައި މި މައްސަލަ ބެލި ފަނޑިޔާރުން އިއްތިފާޤު ވެފައިވާކަން.

ސިވިލް ކޯޓުގެ ޙުކުމުގައި ސާބިތުވާ ކަމަށް ނިންމި 4,939,600.71ރ. (ހަތަރުމިލިއަން ނުވަލައްކަ ތިރީސްނުވަހާސް ހަސަތޭކަ ރުފިޔާ ހަތްދިހަ އެއްލާރި) ގެ އިތުރަށް ދައުލަތުން ދަށު ކޯޓަށް ހުށަހަޅާފައިވާ ދަޢުވާގައި ހިމެނޭ، ދައްލާއަޖްޔާދު ހޮޓަލުގެ ހުރުމާއި، ޢަޒީޒިއްޔާގައި ހުރުމުގެ ޚަރަދުގެ ގޮތުގައި ދައުލަތުން ޚަރަދުކޮށްފައި ވާކަން ސާބިތުވާން އޮންނަ 1,782,808.28ރ. (އެއްމިލިއަން ހަތްލައްކަ އަށްޑިހަ ދެހާސް އަށްސަތޭކަ އަށްރުފިޔާ އަށާވީސްލާރި) އަކީ ވެސް އަލްފަޠުޙު ޙައްޖު އެންޑް ޢުމްރާ ގުރޫޕްގެ އެދުމުގެ މަތިން ދައުލަތުން ޚަރަދުކޮށްފައިވާ ފައިސާއެއް ކަމަށް މި މައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުން އިއްތިފާޤު ވެފައިވާކަން.

ދައުލަތުން ޚަރަދުކޮށްފައިވާ ފައިސާއަކީ، ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނުގެ 74 ވަނަ މާއްދާއަށް ރިޢާޔަތްކޮށް އަލްފަޠުޙު ޙައްޖު އެންޑް ޢުމްރާ ގްރޫޕްގެ ޤާނޫނީ ޝަޙުޞިއްޔަތުގެ ފަރުދާ ނެގުމަށްފަހު އެ މުއާމަލާތަށް އެ ކުންފުނީގެ ހިއްސާދާރުންނާއި ޑިރެކްޓަރުން ޒިންމާވާންޖެހޭނެ ކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގައި މި މައްސަލަ ބެލި ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ކަނޑައަޅައި، މި ފައިސާ 13 އޮގަސްޓު 2020 އިން ފެށިގެން 06 މަސްދުވަހުގެ ތެރޭގައި ސިވިލް ކޯޓަށް ދައްކަން ޖެހޭކަން އެ ޙުކުމަށް ބެލުމުން އެނގޭކަން.

މި މައްސަލައިގައި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ އަޣްލަބިއްޔަތު ރައުޔުގައި ފަނޑިޔާރު މުޙައްމަދު ނިޔާޒާއި ފަނޑިޔާރު ޢަބްދުއްރައޫފް އިބްރާހީމް ބަޔާންކޮށްފައިވަނީ ކުންފުނީގެ ޤާނޫނީ ޝަޚްޞިއްޔަތު ފަރުދާ ނަގަންޖެހޭ ކަމަށެވެ. މިކަން ބަޔާންކޮށް ކޮންމެ ފަނޑިޔާރަކުވެސް ވަކިވަކި ރައުޔެއް ލިޔުއްވުމުގައި ފާހަގަކޮށްފައިވާ މައިގަނޑު ސަބަބުތައް ބިނާކޮށްފައިވަނީ 1435 ވަނަ އަހަރު އަލްފަތުޙު ޙައްޖު އެންޑް ޢުމްރާ ގްރޫޕްއިން ދިވެހި ސަރުކާރުގައި އެ ކުންފުނީގެ ފަރާތުން ފައިސާ ނެގި ފަރާތްތައް ޙައްޖަށް ނުފޮނުވިގެން އެހީތެރިކަމުގައި އެދުނުއިރު ދެއްކި ވާހަކަތަކާއި، ފަހުން ދައުލަތުން ކުރި ޚަރަދުތައް އަނބުރާ ހޯދުމަށް އެދުމުން އެ ކުންފުނިން ދައްކާ ވާހަކަތައް ދިމާނުވުމާއި، ދިވެހި ސަރުކާރުގައި އެފަދަ އެހީތެރިކަމަށް އަލްފަތުޙު ޙައްޖު އެންޑް ޢުމްރާ ގްރޫޕްއިން އެދުނުއިރު އެ ކުންފުނި ބަގުރޫޓުވެފައިވާކަން އެނގޭ ކަމާއި މާލީގޮތުން ފުދުންތެރިކަން ނެތްކަމެވެ. މި ޙާލަތުގައި އެ ކުންފުނި އޮތްކަން އެނގިތިބެ، އުޞޫލުތަކާ ޚިލާފަށް މީހުންގެ އަތުން ފައިސާ ނަގައި ހަޤީގަތް އޮޅުވާލުމާއެކު، ކުންފުނީގެ މުދާ ނަހަމަގޮތުގައި ބޭނުން ހިފާފައިވާކަން އެނގެއެވެ. މި ސަބަބުތަކަށްޓަކައި، ކުންފުނީގެ ޤާނޫނީ ޝަޚްޞިއްޔަތުގެ ފަރުދާ ނަގަންޖެހޭ ކަމަށެވެ.

ފަނޑިޔާރު ޢަލީ ސަމީރު ރައުޔުގައި ފާހަގަކޮށްފައިވަނީ، ދައުލަތުން ކޮށްފައިވާ ޚަރަދަށް އަލްފަތުޙު ޙައްޖު އެންޑް ޢުމްރާ ގްރޫޕްގެ ކުންފުނީގެ ޤާނޫނީ ޝަޚްޞިއްޔަތުގެ ފަރުދާ ނަގަންޖެހޭ ފަދަ ޙާލަތެއް މި މައްސަލައިގައި އުފަންވެފައި ނުވާކަމާއި، އޭގެ ބަދަލުގައި ޙައްޖަށް މީހުން ގެންދިއުމާގުޅޭ ގޮތުން އަލްފަތުޙު ޙައްޖު އެންޑް ޢުމްރާ ގްރޫޕް އާއި ދައުލަތާ ދެމެދުގައި އުފެދިފައިވަނީ މަދަނީ މުޢާމަލާތެއް ކަމާއި، ފައިސާ ދެއްކުމުގެ ޒިންމާ މަތިކުރެވިފައިވަނީ އެ ކުންފުނީގެ މައްޗަށެވެ. އަދި އެ ކުންފުނިން ފައިސާ ނުދައްކައިފިނަމަ، ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މުސްތަފާ މުޙައްމަދުދީދީ އަމިއްލަ ހައިސިއްޔަތުން އެ ފައިސާއަށް ޖާމިނުވެފައިވާތީވެ، ދައުލަތުން ޚަރަދުކޮށްފައިވާ 6,722,408.99ރ. (ހަމިލިޔަން ހަތްލައްކަ ބާވީސްހާސް ހަތަރުސަތޭކަ އަށްރުފިޔާ ނުވަދިހަ ނުވަލާރި) އަކީ ކުންފުންޏާއި މުސްތަފާ މުޙައްމަދުދީދީގެ ފަރާތުން ދައުލަތަށް ދައްކަން ޖެހޭ ފައިސާއެއް ކަމުގައެވެ.

ދިވެހިރާއްޖޭގެ ހައިކޯޓުން މި މައްސަލައިގައި ޙުކުމްކުރުމާ ވިދިގެން އެ މައްސަލަ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް މުޙައްމަދު އަސްލަމް އާއި އިސްމާޢީލް ސުވައިދު އާއި މަރްޔަމް ރަޝީދާ އިބްރާހީމް އާއި މުޞްތަފާ މުޙައްމަދުދީދީ އާއި އަލްފަތުޙު ޙައްޖު އެންޑް ޢުމްރާ ގްރޫޕް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން އިސްތިއުނާފު ކުރިއެވެ.

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ކުރެވުނު އިސްތިއުނާފު

ދިވެހިރާއްޖޭގޭ ހައިކޯޓުގެ ނަންބަރު 2019/HC-A/49 ޤަޟިއްޔާ ނިންމާފައިވަނީ ޤާނޫނީ ނުވަތަ ޝަރުޢީ އުޞޫލުތަކާ ޚިލާފަށްކަމަށް ބުނެ މި ޤަޟިއްޔާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމަށްޓަކައި މުޙައްމަދު އަސްލަމް އާއި އިސްމާޢީލް ސުވައިދު އާއި މަރްޔަމް ރަޝީދާ އިބްރާހީމް އާއި މުޞްތަފާ މުޙައްމަދުދީދީ އާއި އަލްފަތުޙު ޙައްޖު އެންޑް ޢުމްރާ ގްރޫޕް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ވަކިވަކިން މައްސަލަ ހުށަހަޅާފައިވެއެވެ.

މުޙައްމަދު އަސްލަމް އާއި އިސްމާޢީލް ސުވައިދު އަދި މަރްޔަމް ރަޝީދާ އިބްރާހީމް ހުށަހަޅާފައިވާ އިސްތިއުނާފީ ނުކުތާތައް

މުޙައްމަދު އަސްލަމް އާއި އިސްމާޢީލް ސުވައިދު އަދި މަރްޔަމް ރަޝީދާ އިބްރާހީމްގެ ފަރާތުން މި މައްސަލަ އިސްތިއުނާފު ކުރުމަށްޓަކައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅި 02 (ދޭއް) ނުކުތާ ތިރީގައި އެ ވަނީއެވެ.

ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2019/HC-A/49 ޤަޟިއްޔާއިން ކޮށްފައިވާ ޙުކުމުގައި، އަލްފަތުޙު ޙައްޖު އެންޑް ޢުމްރާ ގްރޫޕްއިން ދައުލަތަށް ދައްކަންޖެހޭ ފައިސާ ދެއްކުމުގެ ޒިންމާގައި ކުންފުނީގެ ޙިއްޞާދާރުން ހިމަނާފައިވަނީ މައްސަލައިގެ މުޢާމަލާތައް ފުރިހަމައަށް ރިޢާޔަތް ކުރުމެއްނެތި، ކުންފުންޏާބެހޭ ޤާނޫނުގެ 15 ވަނަ މާއްދާގެ (ހ) އާއި، 18 ވަނަ މާއްދާގެ (ހ) އާއި، އަދި އެ ޤާނޫނުގެ 74 ވަނަ މާއްދާއާ ޚިލާފަށް ކަމަށް ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެ މަތިން ބަލަންޖެހޭކަމަށް ބުނެ ހުށަހެޅި ނުކުތާ.

1435 ވަނަ އަހަރު އަލްފަތުޙު ޙައްޖު އެންޑް ޢުމްރާ ގްރޫޕް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން މީހުން ޙައްޖަށް ފޮނުވުމަށް އެ ޚިދުމަތަށް އެދުނު މީހުންނާއި ކުންފުންޏާއި ދެމެދު ކުރި މުޢާމަލާތްތަކުގެ މައްޗަށާއި ކަން ހިނގާފައިވާ ގޮތުގެ މައްޗަށް އެންމެ ފުރިހަމަ ގޮތުގައި ރިޢާޔަތް ކުރުމެއްނެތި، އެ ފަރާތްތަކަށް އެ ޚިދުމަތް ދިނުމުގެ އިންތިޒާމަށް އައި ލޮޅުމަކާއި ގުޅިގެން ކުންފުންޏާއި އިސްލާމިކް މިނިސްޓްރީ އާއި ދެމެދު އުފެދިގެން ދިޔަ އެއްބަސްވުމެއްގެ ދަށުން އެ ކުންފުނީގެ ޙައްޖުވެރިންގެ ބައެއް ޚިދުމަތްތަކަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްއިން ކުރެއްވި ޚަރަދު އަނބުރާ ހޯދުމަށް ދަޢުލަތުން ކުރި އެ ދަޢުވާގައި ދަޢުވާލިބޭ ފަރާތެއްގެ ގޮތުގައި މުޙައްމަދު އަސްލަމް އާއި އިސްމާޢީލް ސުވައިދު އާއި މަރްޔަމް ރަޝީދާ އިބްރާހީމްގެ ނަން ހިމަނާފައިވަނީ އަދި ދިވެހިރާއްޖޭގެ ހައިކޯޓުގެ ބަޔާންވެދިޔަ ޤަޟިއްޔާގައި އެ ފައިސާ ދެއްކުމުގެ ޒިންމާ އުފުލަންޖެހޭނެ ކަމަށް ކަނޑައަޅާފައިވަނީ ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާ އާއި ޚިލާފަށް ކަމަށް ބުނެ ހުށަހެޅި ނުކުތާ.

މުޞްތަފާ މުޙައްމަދުދީދީ ހުށަހަޅާފައިވާ އިސްތިއުނާފީ ނުކުތާ

މުޞްތަފާ މުޙައްމަދުދީދީގެ ފަރާތުން ހައިކޯޓުގެ ނިންމުން އިސްތިއުނާފު ކުރުމުގެ ގޮތުން ބުނެފައިވަނީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2019/HC-A/49 ޤަޟިއްޔާއިން ކޮށްފައިވާ ޙުކުމުގައި، އަލްފަތުޙު ޙައްޖު އެންޑް ޢުމްރާ ގްރޫޕްއިން ދައުލަތަށް ދައްކަންޖެހޭ ފައިސާ ދެއްކުމުގެ ޒިންމާގައި ކުންފުނީގެ ޙިއްޞާދާރުން ހިމަނާފައިވަނީ މައްސަލައިގެ މުޢާމަލާތައް ފުރިހަމައަށް ރިޢާޔަތްކުރުމެއްނެތި، ކުންފުންޏާބެހޭ ޤާނޫނުގެ 15 ވަނަ މާއްދާގެ (ހ) އާއި 18 ވަނަ މާއްދާގެ (ހ) އާއި، އަދި އެ ޤާނޫނުގެ 74 ވަނަ މާއްދާ އާއި ފަނޑިޔާރުންގެ ޤާނޫނުގެ 05 ވަނަ މާއްދާއާ ޚިލާފަށް ކަމަށެވެ.

އަލްފަތުޙު ޙައްޖު އެންޑް ޢުމްރާ ގްރޫޕްގެ ފަރާތުން ހުށަހެޅި ނުކުތާތައް

އަލްފަޠުޙު ޙައްޖު އެންޑް ޢުމްރާ ގްރޫޕްގެ ފަރާތުން ހައިކޯޓުގެ ނިންމުން އިސްތިއުނާފު ކުރުމުގެ ގޮތުން ހުށަހަޅާފައިވަނީ މައިގަނޑު 02 (ދޭއް) ނުކުތާއެވެ.

ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2019/HC-A/49 ޤަޟިއްޔާގެ ޙުކުމުގައި، ދައްލާއަޖްޔާދު ހޮޓަލުގައި އަދި ޢަޒީޒިއްޔާގައި ހުރުމުގެ ޚަރަދު ގޮތުގައި 1,782,808.28/-ރ. (އެއްމިލިއަން ހަތްލައްކަ އަށްޑިހަ ދެހާސް އަށްސަތޭކަ އަށްރުފިޔާ އަށާވީސްލާރި) ނަގައިދިނުމަށް ކަނޑައަޅާފައިވަނީ އެ ޚަރަދު ސާބިތުކޮށް ދިނުމަށް ދައުލަތުން ހުށަހެޅި ލިޔުމަށް މައްސަލަ އިސްތިއުނާފު ކުރި ފަނޑިޔާރުން ފުރިހަމައަށް ރިޢާޔަތްކުރުމެއްނެތި ފަނޑިޔާރުންގެ ޤާނޫނުގެ 05 ވަނަ މާއްދާގެ (ހ) އާއި ޚިލާފަށްކަމަށް ބުނެ ހުށަހެޅި ނުކުތާ.

ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2019/HC-A/49 ޤަޟިއްޔާއިން ކޮށްފައިވާ ޙުކުމުގައި، ދައުލަތުން ހޯދުމަށް އެދޭ ފައިސާއަށް ކުންފުނީގެ ޑިރެކްޓަރުންވެސް ޒިންމާވާންޖެހޭ ކަމުގައި މައްސަލަ އިސްތިއުނާފު ކުރި ހައިކޯޓުގެ ފަނޑިޔާރުން ކަނޑައަޅާފައިވަނީ މައްސަލައިގެ މުޢާމަލާތަށް ފުރިހަމައަށް ރިޢާޔަތްކުރުމެއްނެތި، ކުންފުންޏާބެހޭ ޤާނޫނުގެ 15 ވަނަ މާއްދާގެ (ހ) އާއި 18 ވަނަ މާއްދާގެ (ހ) އާއި އަދި އެ ޤާނޫނުގެ 74 ވަނަ މާއްދާއާ ޚިލާފަށް ކަމަށް ބުނެ ހުށަހެޅި ނުކުތާ.

ބަޔާންވެދިޔަ ނުކުތާތަކުގެ ޖަވާބުގައި ދައުލަތުން ފާހަގަކޮށްފައިވަނީ މި މައްސަލައިގައި ދިވެހިރާއްޖޭގެ ހައިކޯޓުން ކޮށްފައިވާ ޙުކުމަށް ބަދަލު ގެންނަންޖެހޭ ފަދަ ސަބަބެއް ނެތް ކަމަށެވެ.

އިސްތިއުނާފުކުރާ ފަރާތްތަކުގެ ތެރެއިން މުޞްތަފާ މުޙައްމަދުދީދީގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި އަމުރަކަށް އެދުނެވެ. އެ އަމުރަކީ، މުޞްތަފާ މުޙައްމަދުދީދީގެ މައްޗަށް ތުހުމަތު ކުރެވުނު 1435 ވަނަ އަހަރު ޙައްޖަށް ގެންގޮސްދޭނެކަމަށް ބުނެ އަލްފަތުޙު ޙައްޖު އެންޑް ޢުމްރާ ގްރޫޕްއިން ދިވެހިރާއްޖެއިން ޙައްޖަށް މީހުން ގެންދިއުމާބެހޭ އުޞޫލާ ޚިލާފަށް ގިނަ ޢަދަދެއްގެ މީހުންގެ އަތުން މަކަރާ ޙީލަތުން ފައިސާ ނަގާފައިވާ ޖިނާއީ މައްސަލަ ތަހުގީގުކުރުމަށްޓަކައި އެ ކުންފުނީގެ ތަކެތި ގެންގޮސް އެ ތަކެތި އަނބުރާ ރައްދުކޮށްފައި ނުވާތީވެ އެ ތަކެތި ހޯދުމުގެ އަމުރަކަށެވެ. މި އަމުރު ނެރެދިނުމަށް މުޞްތަފާ މުޙައްމަދުދީދީ އެދުނު ސަބަބަކީ، އެ ތަކެތި ނެތުމުގެ ސަބަބުން މި މައްސަލައިގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ޖަވާބުދާރީ ވުމާއި ކުރެވޭ ސުވާލުތަކަށް ޖަވާބު ދިނުމަށް ދަތިވާތީ ކަމުގައެވެ. ނަމަވެސް މިފަދަ އަމުރުތަކަކީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 37 ވަނަ މާއްދާގެ ދަށުން ކްރިމިނަލް ކޯޓުގައި އެދެވިދާނެ އަމުރަކަށް ފެންނާތީވެ، މުޞްތަފާ މުޙައްމަދުދީދީ އެދުނު ގޮތުގެމަތިން އެ އަމުރު ނެރެދީފައި ނުވެއެވެ.

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ގޮތެއް ނިންމަންޖެހޭ ނުކުތާ

ބަޔާންވެދިޔަ އިސްތިއުނާފީ ނުކުތާތަކުގެ މައްޗަށް ނަޒަރުކުރާއިރު، އެ ނުކުތާތައް ދައުރުވަނީ 02 (ދޭއް) ކަމެއްގެ މައްޗަށް ކަމުގައިވާތީވެ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ގޮތެއް ކަނޑައަޅަންޖެހެނީ އަންނަނިވި 02 (ދޭއް) ނުކުތާ އަށެވެ.

(ހ) ފުރަތަމަ ކަމަކީ، އަލްފަތުޙު ޙައްޖު އެންޑް ޢުމްރާ ގުރޫޕްގެ ކުންފުނީގެ ޤާނޫނީ ޝަޚްޞިއްޔަތު ފަރުދާ ނަގަން ޖެހޭތޯ އާއި އަދި؛

(ށ) ދެވަނަ ކަމަކީ، ދައްލާއަޖްޔާދު ހޮޓަލުގައި އަދި ޢަޒީޒިއްޔާގައި ހުރުމުގެ ޚަރަދުގެ ގޮތުގައި ޖަހާފައިވާ 1,782,808.28ރ. (އެއްމިލިއަން ހަތްލައްކަ އަށްޑިހަ ދެހާސް އަށްސަތޭކަ އަށްރުފިޔާ އަށާވީސްލާރި) އަކީ އަލްފަތުޙު ޙައްޖު އެންޑް ޢުމްރާ ގުރޫޕްގެ އެދުމުގެ މަތިން ދައުލަތުން ކޮށްފައިވާ ޚަރަދެއްކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ކަނޑައެޅުމުގައި ފަނޑިޔާރުންގެ ޤާނޫނުގެ 05 ވަނަ މާއްދާގެ (ހ) އާ ޚިލާފުވެފައިވޭތޯ ބެލުމުގެ މައްޗަށެވެ.

އެހެންކަމުން މި 02 (ދޭއް) ނުކުތާގެ މައްޗަށް ބަލާލުމަށްޓަކައި އަންނަނިވި ކަންކަން ވިދިގެން އަންނަ ފޮޅުވަތްތަކުގައި ފާހަގަކުރަމެވެ.

އަލްފަތުޙު ޙައްޖު އެންޑް ޢުމްރާ ގްރޫޕްގެ އެދުމުގެ މަތިން ދައުލަތުގެ ޚަރަދުގައި ޙައްޖަށް މީހުން ފޮނުވުމުގެ މުޢާމަލާތް

ކުރިންވެސް ދެންނެވިފައިވާ ފަދައިން، އަލްފަތުޙު ޙައްޖު އެންޑް ޢުމްރާ ގްރޫޕްއިން 1435 ވަނަ އަހަރުގައި ޙައްޖަށް މީހުން ގެންދިއުމުގެ އުޞޫލުތަކާއި ޚިލާފަށް ގިނަ ޢަދަދެއްގެ މީހުންގެ އަތުން ފައިސާ ނަގައި އެ ފަރާތްތަކަށް ވަޢުދުވެފައިވާ ތާރީޚުގައި، ޙައްޖަށް ނުދެވިދާނެ ކަމަށް ގަބޫލުކުރެވި، އެ ފަރާތްތައް ޙައްޖަށް ފުރުމުގެ އިންތިޒާމުތައް ހަމަޖައްސައި ދިނުމަށް އެދި އެ ކުންފުނީގެ ފަރާތުން 11 ސެޕްޓެންބަރު 2014 ގައި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގައި އެދުނުވެ. އޭރު ޙައްޖުވެރިން ފުރަން ކަނޑައެޅިފައިވަނީ އޭގެ 30 (ތިނެއް) ދުވަސް ފަހުން 15 ސެޕްޓެންބަރު 2014 ގައެވެ.

ޙައްޖުވެރިން ފުރުމަށް ކަނޑައެޅިފައިވާ ތާރީޚުގައި ނުފުރިދާނެ ކަމަށް ދެކި، އަލްފަތުޙު ޙައްޖު އެންޑް ޢުމްރާ ގްރޫޕްއިން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްއަށް އެއް ދުވަހެއްގައި (11 ސެޕްޓެންބަރު 2014 ) ގައި 30 (ތިނެއް) ސިޓީއެއް ފޮނުވާފައިވާކަން އެނގެއެވެ. އަދި މި ސިޓީ ތަކުގައި މައިގަނޑު ގޮތެއްގައި އެ ކުންފުނިން ބަޔާންކޮށްފައިވާ ކަންކަމުގެ ތެރޭގައި އަންނަނިވި ކަންކަން ހިމެނެއެވެ.

(ހ) ފުރަތަމަ ކަމަކީ، 1435 ވަނަ އަހަރު ޙައްޖަށް މީހުން ގެންދިއުމަށްޓަކައި އެ ކުންފުންޏަށް ހުއްދަ ދީފައިވަނީ 125 މީހުން ކަމުގައިވިޔަސް އެއަށްވުރެ ގިނަ ފަރާތްތަކުން ފައިސާ ނަގާފައިވާ ކަމާއި، ޙައްޖަށް ފުރުމަށްޓަކައި ކަނޑައެޅުނު ތާރީޚުގައި ޙައްޖުވެރިން ފުރުމުގެ އިންތިޒާމުތައް ފައިސާ ނެތިގެން ހަމަޖެއްސެން ނެތްކަމާއި، އަދި އެ ފަރާތްތައް ކަނޑައެޅުނު ތާރީޚުގައި ފުރުމަށްޓަކައި ކުރަންޖެހޭ ޚަރަދުތައް ދިވެހި ސަރުކާރުން ކޮށްދިނުމަށް އެދިފައިވާކަން.

(ށ) ދެވަނަ ކަމަކީ، އެ ކުންފުނިން އެހީތެރިކަމަށް އެދިފައިވަނީ 125 މީހުން ޙައްޖަށް ގެންދިއުމަށްޓަކައި ވައިގެ މަގުން ފުރުމަށްޓަކައި ޓިކެޓުގެ ޚަރަދާއި، ސައުދީ ޢަރަބިއްޔާގައި ތިބުމުގެ ޚަރަދާއި އެއާޕޯޓް ޓެކްސްއާއި، ކެއުމުގެ ޚަރަދުތަކާއި، އިންތިޒާމީ ޚަރަދުތަކާއި އަދި މި ނޫންވެސް މިފަދަ ޙައްޖު ދަތުރުތަކުގައި ހިނގާ އެހެނިހެން ޚަރަދުތައް ހިމެނޭކަން.

(ނ) ތިންވަނަ ކަމަކީ، ދައުލަތުން ޙައްޖުވެރިންނަށް ކުރާ ޚަރަދުތައް އެ ކުންފުނިން އަނބުރާ ދައްކާނެ ކަމާއި އަދި ފައިސާ ދައްކާނީ ނަގުދު ފައިސާއިންކަން.

(ރ) ހަތަރުވަނަ ކަމަކީ، ކުންފުނީގެ ފަރާތުން އެ ޚަރަދުތައް ދައުލަތައް ދައްކާނެ ކަމަށް ޔަޤީންކަން ދިނުމުގެ އިތުރުން ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މުޞްތަފާ މުޙައްމަދުދީދީ އަމިއްލަ ހައިސިއްޔަތުން އެ ފައިސާ އަނބުރާ ދެއްކުމަށް ޖާމިނުވެފައިވާ ކަމާއި، މިގޮތުން ކުންފުނިން ފައިސާ ނުދެއްކޭ ހިނދަކު އޭނާގެ މިލްކުގައިވާ މުދާ ވިއްކައިގެން އެ ފައިސާ ދައްކާ ޚަލާސްކުރާނޭކަން.

ބުނެވިދިޔަ ޔަޤީންކަމުގެ މައްޗަށް ބިނާކޮށް ދިވެހި ސަރުކާރުން އަލްފަތުޙު ޙައްޖު އެންޑް ޢުމްރާ ގުރޫޕްއިން 1435 ވަނަ އަހަރު ޙައްޖަށް ފުރި 121 މީހެއްގެ ޚަރަދު ހަމަޖައްސައިދީފައި ވެއެވެ. އަލްފަތުޙު ޙައްޖު އެންޑް ޢުމްރާ ގުރޫޕްއިން 125 މީހުންގެ ޚަރަދު ހޯދުމަށް އެދުނު ކަމުގައިވިޔަސް ޙައްޖަށް ގޮސްފައިވަނީ 121 މީހުންނެވެ. މި ފަރާތްތަކުގެ ޚަރަދަށް ދައުލަތުން 6,722,408.99ރ. (ހަމިލިޔަން ހަތްލައްކަ ބާވީސްހާސް ހަތަރުސަތޭކަ އަށްރުފިޔާ ނުވަދިހަ ނުވަލާރި) ކޮށްފައިވާކަން ހުށަހެޅިފައިވާ ލިޔެކިއުންތަކުން އެނގެއެވެ.

މި ފައިސާ އެއްބަސްވެފައިވާ ގޮތުގެމަތިން ކުންފުނިން ނުދައްކައިގެން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްއިން 24 ސެޕްޓެންބަރު 2014 ގައި އެ ފައިސާ 10 (އެކެއް) މަސްދުވަހުގެ ތެރޭގައި ދައްކަން އެ ކުންފުންޏަށް އަންގާފައިވެއެވެ. ނަމަވެސް މި މުއްދަތުގައި ފައިސާ ދައްކާފައި ނުވާތީވެ 25 ފެބުރުވަރީ 2015 ގައި ވެސް އިތުރު ސިޓީއެއް ފޮނުވައި 70 (ހަތެއް) ދުވަހުގެ ތެރޭގައި ފައިސާ ދައްކަން އަންގާފައިވެއެވެ. އަދި އެ މުއްދަތުގެ ތެރޭގައި ފައިސާ ނުދައްކައިފިނަމަ، ފައިސާ ހޯދުމަށްޓަކައި މައްސަލަ ކޯޓަށް ހުށަހަޅާނެކަމަށްވެސް ބަޔާންކޮށްފައި ވެއެވެ. އޭގެ ފަހުން 13 މޭ 2015 ގައި މިނިސްޓްރީ އޮފް އިސްލާމިކް އެއާޒްއިން ޚަރަދުތަކުގެ ތަފްސީލު ބޭނުންވާކަމަށް އަލްފަތުޙު ޙައްޖު އެންޑް ޢުމްރާ ގްރޫޕްއިން އެދިފައިވާތީވެ އެ ތަފްސީލުވެސް އެ ކުންފުންޏާ ޙިއްސާކޮށްފައިވާކަން އެނގެއެވެ.

ބަޔާންވެދިޔަ ކަންކަމުގެ އަލީގައި، ދައުލަތާއި އަލްފަތުޙު ޙައްޖު އެންޑް ޢުމްރާ ގްރޫޕް އާއި ދެމެދުގައި ޚުސޫމަތެއް އުފަންވެފައިވަނީ، 14 ސެޕްޓެންބަރު 2014 ގައި އަލްފަތުޙު ޙައްޖު އެންޑް ޢުމްރާ ގްރޫޕްއިން ބަޔަކު ޙައްޖަށް ފޮނުވުމަށްޓަކައި ދިވެހި ސަރުކާރުގެ އެހީތެރިކަމަށް އެދުމުން 1435 ވަނަ އަހަރު 121 މީހަކު ޙައްޖަށް ގެންދިއުމަށްޓަކައި ދިވެހި ސަރުކާރުން ޚަރަދުކޮށް އެއްބަސްވެފައިވާ ގޮތުގެމަތިން އެ ކުންފުނިން ފައިސާ ދައްކާފައި ނުވުމުގެ ސަބަބުންނެވެ. މި ފައިސާ ދައުލަތަށް ދެއްކުމަށް އެއްބަސްވެފައިވަނީ އަލްފަތުޙު ޙައްޖު އެންޑް ޢުމްރާ ގްރޫޕް އިންނެވެ. އަދި އެ ކުންފުނިން މި ފައިސާ ނުދެއްކިއްޖެ ޙާލަތެއްގައި އެ ފައިސާ ދައުލަތަށް ދެއްކުމަށް ޖާމިނުވެފައިވަނީ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރގެ މަގާމުގައި ހުރި މުޞްތަފާ މުޙައްމަދުދީދީ ފަރުދީ ގޮތުންނެވެ. އެހެންކަމުން، މި މުޢާމަލާތުގެ ތަބީޢަތަކީ ފައިސާ ދެއްކުމުގެ މުޢާމަލާތެކެވެ. ޚުސޫމަތަކީ ކުންފުންޏަކުން އެއްބަސްވެފައިވާ ގޮތަށް ފައިސާ ދައްކާފައި ނުވުމެވެ. ވީމާ، މި ޙާލަތަކީ އަލްފަތުޙު ޙައްޖު އެންޑް ޢުމްރާ ގްރޫޕްގެ ޤާނޫނީ ޝަޚުސުގެ ފަރުދާ ނަގައި ކުންފުނީގެ ޑިރެކްޓަރުން ކުންފުނީގެ ދަރަންޏަށް ޒިންމާކުރުވަން ޖެހޭ ހާލަތެއްތޯ ބަލާލަންޖެހެއެވެ.

(ހ) ކުންފުނީގެ ޤާނޫނީ ޝަޚްޞިއްޔަތުގެ ފަރުދާ ނަގަން ޖެހޭތޯ ބެލުން

މި މައްސަލަ އިސްތިއުނާފު ކުރުމަށްޓަކައި އިސްތިއުނާފު ކުރާ ފަރާތްތަކުން ފާހަގަކުރާ މައިގަނޑު ޤާނޫނީ ނުކުތާއަކީ ކުންފުނީގެ ޤާނޫނީ ޝަޚްޞިއްޔަތުގެ ފަރުދާ ނަގައި، އަލްފަތުޙު ޙައްޖު އެންޑް ޢުމްރާ ގްރޫޕްގެ ޑިރެކްޓަރުން ކުންފުނީގެ ދަރަންޏަށް ޒިންމާ ކުރުވަންޖެހޭ ޙާލަތެއް މި މުޢާމަލާތުގައި ނެތްކަމަށް ބުނާ ބުނުމެވެ. މިގޮތުން އެ ފަރާތްތަކުން ފާހަގަކޮށްފައިވާ އަސާސީ ކަންކަމުގެ ތެރޭގައި މީހުން ޙައްޖަށް ފޮނުވުމުގެ ކަންކަމަކީ ވަކި ނިޒާމެއް ހަމަޖެހި ކުންފުނީގެ ފަރާތުން މުވައްޒަފުން މެދުވެރިގެން ކުރެވެމުންދާ މަސައްކަތެއް ކަމާއި، އެ ކަންކަމުގައި ކުންފުނީގެ ފަރާތުން މުޢާމަލާތު ކުރަނީވެސް މެނޭޖިންގ ޑިރެކްޓަރ ކަމާއި، އެހެން ޑިރެކްޓަރުންގެ ދައުރެއް އެކަމުގައި ނޯންނަ ކަމަށް މެނޭޖިންގ ޑިރެކްޓަރ މުޞްތަފާ މުޙައްމަދުދީދީ ފިޔަވައި އެހެން ޑިރެކްޓަރުން ފާހަގަކޮށްފައި ވާކަން އެނގެއެވެ. އަދި ހަމަ އެހެންމެ، ހިއްސާދާރުންގެ ހައިސިއްޔަތުން ކުންފުނިން ގަނެފައިވާ ހިއްސާގެ އަގު ކުންފުންޏަށް ދައްކާފައިވާނެކަމަށް އެ ފަރާތްތަކުން ބުނެފައިވެއެވެ. އެހެންކަމުން އެ ފަރާތްތަކުން ބުނެފައިވަނީ ކުންފުނީގެ ޑިރެކްޓަރުން ފަރުދީ ގޮތުން ދައުލަތުން ކޮށްފައިވާ ޚަރަދަށް ޒިންމާ ކުރުވާފައިވަނީ ކުންފުންޏާބެހޭ ޤާނޫނުގެ 15 ވަނަ މާއްދާގެ (ހ) އާއި 18 ވަނަ މާއްދާގެ (ހ) އާއި އަދި އެ ޤާނޫނުގެ 74 ވަނަ މާއްދާއާ ޚިލާފަށް ކަމުގައެވެ.

ކުންފުންޏާބެހޭ ޤާނޫނުގެ 15 ވަނަ މާއްދާ

ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނުގެ 15 ވަނަ މާއްދާގައި ކަނޑައަޅާފައިވާ އަސާސީ ހަމައަކީ ކުންފުންޏަކީ އެ ކުންފުނީގެ ހިއްސާދާރުންނާ ވަކިން އުފެދިފައިވާ ޤާނޫނީ ޝަޚުސިއްޔަތެއް ކަމެވެ. ކުންފުނީގެ ހައްޤުތަކާއި އިލްތިޒާމުތަކަކީ ކުންފުނީގެ އަމިއްލަ އެއްޗެކެވެ. ކުންފުނީގެ ނަމުގައި މުޢާމަލާތް ކުރެވެނީ ވެސް ކުންފުންޏަށެވެ. ދަޢުވާ ކުރުމުގެ ހައިސިއްޔަތު ވެސް އޮންނަނީ ކުންފުނީގެ ނަމުގައެވެ.

ކުންފުނީގެ އެންމެހާ މުދަލެއްމެ މިލްކުވެގެންވަނީ ކުންފުންޏަށެވެ. ހިއްސާދާރުންނަކަށް ނޫނެވެ. ކުންފުނީގެ މަސައްކަތްތަކަށް ބޭނުންވާ މުވައްޒަފުންނަށް ވަޒީފާ ދެނީވެސް ކުންފުނިންނެވެ. ހިއްސާދާރުންނެއް ނޫނެވެ. އެކިއެކި ފަރާތްތަކާއެކު މުއާމަލާތު ކުރަނީވެސް ކުންފުންޏެވެ. ހިއްސާދާރުންނެއް ނޫނެވެ. ކުންފުނިން ކުރާ މުއާމަލާތުތަކާ ގުޅިގެން އެކިއެކި ފަރާތްތަކަށް ދަރާދެރުން ތަކަކީ ކުންފުނީގެ ދަރަންޏެވެ. ހިއްސާދާރުންގެ ދަރަންޏެއް ނޫނެވެ. ކުންފުނިން ކުރާ މުއާމަލާތުތަކާ ގުޅިގެން ލިބޭ ފައިދާއަކީ ކުންފުނީގެ ފައިދާއެވެ. ހިއްސާދާރުންގެ ފައިދާއެއް ނޫނެވެ. ކުންފުނީގެ މިލްކުވެރީންނަކީ ކުންފުނީގެ ހިއްސާދާރުން ކަމަށްވިޔަސް، އަދި ކުންފުނި ކޮންޓްރޯލް ކުރަނީ ހިއްސާދާރުން ކަމަށްވިޔަސް އަދި ކުންފުނީގެ ވިޔަފާރި ރާވައި ހިންގަނީ ހިއްސާދާރުން ކަމަށް ވިޔަސް އެ ހިއްސާދާރުންނަކީ ކުންފުނިން ކުރާ މުއާމަލާތުތަކުގެ ބައިވެރިންނެއް ނޫނެވެ. ހިއްސާދާރުންނަކީ އެ މުއާމަލާތްތަކުގެ ޒިންމާ ޒާތީގޮތުން އުފުލަންޖެހޭ ބައެއް ނޫނެވެ.

ކުންފުންޏާބެހޭ ޤާނޫނުގެ 18 ވަނަ މާއްދާ

ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނުގެ 18 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވަނީ ކުންފުންޏެއްގެ ހިއްސާދާރުން، އެ ކުންފުންޏެއްގެ ދަރަންޏަށް ޒިންމާވާންޖެހޭ މިންވަރު ކަނޑައަޅާފައިވާ ކަމަށް، ކުންފުނީގެ އަސާސީ ގަވާއިދުގައި ބަޔާންކޮށްފައި އޮތުމުން، އެ ކުންފުންޏެއްގެ މެންބަރުން އެ ކުންފުންޏެއްގެ ދަރަންޏަށް ހުރިހާ ހާލަތެއްގައިވެސް އަދި ހުރިހާ ޝަރުއީ ބޭނުމަކަށްވެސް ޒިންމާވާނީ، އަދި ޒިންމާވާކަމަށް ބެލޭނީ، އެ މެންބަރަކު ގަނެފައިވާ ނުވަތަ ގަތުމަށް އެއްބަސްވެފައިވާ ހިއްސާގެ އަގުގެ ތެރެއިން އެއްވެސް މިންވަރެއް ކުންފުންޏަށް ނުދީ އޮތް ކަމުގައިވާނަމަ، އެ މިންވަރަކަށް ކަމަށެވެ. އަދި ކުންފުންޏާބެހޭ ޤާނޫނުގެ 18 ވަނަ މާއްދާގެ (ށ) ގައި ބުނެފައިވަނީ ކުންފުންޏެއް އުވާލާނަމަ، އެ ކުންފުންޏެއްގެ ކޮންމެ މެންބަރަކުވެސް އެ ކުންފުންޏަކަށް ދޭންޖެހޭނީ، އެ މެންބަރަކު ގަނެފައިވާ ނުވަތަ ގަތުމަށް އެއްބަސްވެފައިވާ ހިއްސާގެ މޫނުމަތީގެ އަގުގެ ތެރެއިން އެއްވެސް މިންވަރެއް ކުންފުންޏަށް ނުދީ އޮތް ކަމުގައިވާނަމަ، އެ މިންވަރެއް އެކަނި ކަމަށެވެ.

ކުންފުންޏާބެހޭ ޤާނޫނުގެ 74 ވަނަ މާއްދާ

ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނުގެ 74 ވަނަ މާއްދާގައިވާ ގޮތުގެމަތިން 30 (ތިނެއް) ޙާލަތެއްގައި ކުންފުނީގެ ފަރުދާ ނެގުމަށްފަހު ޑިރެކްޓަރުން ފަރުދީ ގޮތުން ޒިންމާކުރެވިދާނެއެވެ.

(ހ) ކުންފުންޏަށް ލިބިފައިވާ ޝަޚްޞިއްޔަތު ޤާނޫނާ ޚިލާފުކަމެއް ކުރުމަށްޓަކައި ބޭނުންކޮށްފިނަމަ،

(ށ)ކުންފުންނަށް ލިބިފައިވާ ޤާނޫނީ ޝަޚްޞިއްޔަތު މަކަރާއި ޙީލަތް ހެދުމަށްޓަކައި ބޭނުންކޮށްފިނަމަ،

(ނ) ކުންފުންޏަށް ލިބިފައިވާ ޤާނޫނީ ޝަޚްޞިއްޔަތު ކުންފުންޏަށް ދަރަނި ދޫކޮށްފައިވާ ފަރާތްތަކަށް ނުވަތަ ކުންފުންޏާއެކު ވިޔަފާރިކުރި ނުވަތަ ކުރަމުންގެންދާ ފަރާތްތަކަށް އޮޅުވާލުމުގެ ނިޔަތުގައި ބޭނުންކުރުން. އަދި

(ރ) ޤާނޫނުގައި ބަޔާންކޮށްފައިވާ އެހެނިހެން ޙާލަތްތަކުގައެވެ.

ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނުގެ 15 ވަނަ މާއްދާގެ (ހ) އާއި 18 ވަނަ މާއްދާގެ (ހ) ގެ އަލީގައި ކުންފުންޏަކާއެކު ކުރެވޭ މުޢާމަލާތެއްގައި، އެ ކުންފުނީގެ ޑިރެކްޓަރުންނާއި އަދި ހިއްސާދާރުން ފަރުދީ ގޮތުން ޒިންމާވުމެއް ނެތެވެ. ނަމަވެސް ކުންފުނީގެ ޑިރެކްޓަރުން ނުވަތަ ހިއްސާދާރުން ކުންފުނި ނިވާފަތް ގަނޑަކަށް ހަދައި، ޤާނޫނާ ޚިލާފު ޢަމަލުތައް ހިންގައި، މަކަރާއި ޙީލަތް ހެދުމާއި ކުންފުންޏާއެކު މުއާމަލާތު ކުރެވޭ ފަރާތްތަކަށް އޮޅުވާލުމުގެ ނިޔަތުގައި ބޭނުން ކޮށްފައިވާކަން ސާބިތު ކުރެވިއްޖެ ޙާލަތެއްގައި ކުންފުންޏާބެހޭ ޤާނޫނުގެ 74 ވަނަ މާއްދާގައި ކުންފުނީގެ ޤާނޫނީ ޝަޚްޞިއްޔަތުގެ ފަރުދާ ނަގައި ޑިރެކްޓަރުން ޒިންމާ ކުރެވިދާނެއެވެ.

ނަމަވެސް ކުންފުނީގެ ޤާނޫނީ ޝަޚްޞިއްޔަތުގެ ފަރުދާ ނެގެނީ ކުންފުންޏާބެހޭ ޤާނޫނުގެ 74 ވަނަ މާއްދާގައިވާ އިމުގެ ތެރެއިން މުޢާމަލާތެއްގައި އެ ނޫން ގޮތެއް ނެތިއްޖެ ޙާލަތެއްގައި އިންސާފަށް ވާސިލުވުމަށް އޮތް ހަމައެކަނި މަގަކީ ކުންފުނީގެ ޤާނޫނީ ޝަޚްޞިއްޔަތު އެއް ކިބާކޮށް ޑިރެކްޓަރުންނާއި ހިއްސާދާރުން ޝަރީޢަތުގެ ކުރި މައްޗަށް ހާޟިރުކުރެވިގެންކަން މައްސަލަ ބަލާ ފަނޑިޔާރަކަށް އިޤްތިނާޢު ވެވިގެންނެވެ.

ހުށަހެޅިފައިވާ މި މައްސަލައަށް ބަލައި، އަލްފަތުޙު ޙައްޖު އެންޑް ޢުމްރާ ގްރޫޕްއިން ދައުލަތުގެ އެހީތެރިކަމަށް 1435 ވަނަ އަހަރު މީހުން ޙައްޖަށް ގެންދިއުމަށް އެދުނު ހިނދު، އެކަމަށް ދައުލަތުން ކުރި ޚަރަދު ދައްކާފައި ނުވުމަކީ އެއްބަސްވުމާ ޚިލާފުވުމެކެވެ. އެއްބަސްވުންވީ ދައުލަތާއި އެ ކުންފުންޏާ ދެމެދުގައެވެ. ކުންފުނިން ފައިސާ ނުދައްކައިފިނަމަ، ޢަމަލުކުރަން އެއްބަސްވެފައިވަނީ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު މުޞްތަފާ މުޙައްމަދުދީދީ ފަރުދީ ހައިސިއްޔަތުން އެ ފައިސާ ދެއްކުމަށެވެ. އަދި އޭނާ އެ ފައިސާ ނުދައްކައިފިނަމަ އޭނާގެ ނަމުގައި، ހުރިނަމަ ހުރި މުދަލެއް ވިއްކައިގެން އެ ފައިސާ ހޯދުމުގެ އިޚްތިޔާރު ދައުލަތަށް އޭނާ ދީފައިވެއެވެ.

އެހެންކަމުން، މިއީ ދައުލަތާއި އަލްފަތުޙު ޙައްޖު އެންޑް ޢުމްރާ ގްރޫޕް އާއި ދެމެދުގައިވަނީ އެއްބަސްވުމާއި ޚިލާފުވުމުގެ ޚުސޫމަތެއްކަމާއި، މި މުޢާމަލާތުގައި ކަން ހިނގާފައިވާ ގޮތަށް ބަލައި، އެ ކުންފުނިން ދައުލަތުން ފައިސާ ނެގުމުގައި އޮޅުވާލުމެއް ނެތެވެ. އަދި ދައުލަތުން ކުރި ބޮޑެތި ޚަރަދުތަކަކީ ތިންވަނަ ފަރާތަކަށް ދައްކާފައިވާ ފައިސާ ތަކެކެވެ. އެ ޚަރަދުތައް ދައުލަތަށް އަލްފަތުޙު ޙައްޖު އެންޑް ޢުމްރާ ގްރޫޕްއިން ނުދެއްކުމަކީ އެއްބަސްވެފައިވާ ގޮތާއި ޚިލާފުވުން ކަމުގައިވާތީވެ، ކުންފުނީގެ ޤާނޫނީ ޝަޚްޞިއްޔަތު މި ޙާލަތުގައި ނަހަމަ ގޮތުގައި ބޭނުން ކޮށްފައިވާކަން ދަލާލަތު ކޮށްދޭ ހަރުދަނާ ހެކިތަކެއް މި މައްސަލައިގައި ހުށަހެޅިފައި ނުވާކަން ފާހަގަކުރަމެވެ.

އަހުރެންނަށް ވެސް ބުރަވެވެނީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރު ޢަލީ ސަމީރު ފާހަގަކޮށްފައިވާ ފަދައިން މިއީ މަދަނީ މުޢާމަލާތެއްގައި އެއްބަސްވެފައިވާ ގޮތަށް ފައިސާ ނުދައްކާ އޮތް މައްސަލައެއް ކަމާއި، މި މުޢާމަލާތުގައި ކުންފުނި ފިޔަވައި އެހެން ފަރާތެއް ޝާމިލުވެފައިވާ ކަމަށް ބުނާނަމަ، އެކަމެއް ސާބިތުކޮށް ދޭންޖެހޭނީ އެހެން ބުނާ ފަރާތް ކަމުގައިވާ ދައުލަތުންނެވެ. މި މުޢާމަލާތުގައި ޝާމިލުވެފައިވަނީ ދައުލަތާއި އަލްފަތުޙު ޙައްޖު އެންޑް ޢުމްރާ ގްރޫޕް އާއި އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރގެ މަގާމުގައި ހުރި މުޞްތަފާ މުޙައްމަދުދީދީ ކަމާއި، ފައިސާ ހޯދުމަށް އެދުނީ ކުންފުނިން ކަމާއި، ކުންފުނިން އެއްބަސްވެފައިވާ މުއްދަތުގައި ފައިސާ ދައްކާފައި ނުވާތީވެ މުޞްތަފާ މުޙައްމަދުދީދީ ދިން ޔަޤީންކަމުގެ މައްޗަށް ބިނާކޮށް ދައުލަތުން ކޮށްފައިވާ ޚަރަދުތަކަކީ އަލްފަތުޙު ޙައްޖު އެންޑް ޢުމްރާ ގްރޫޕް އެކޭ އެއްފަދައިން މުޞްތަފާ މުޙައްމަދުދީދީ އެކުއެކީ އަދި ވަކިވަކިން ޒިންމާ އުފުލައި ދައުލަތަށް ދައްކަންޖެހޭ ދަރަންޏެއްކަމަށް އަހުރެން ދެކެމެވެ.

ބަޔާންވެދިޔަ ކަންކަން އެ ގޮތުގެމަތިން ހުރުމާއެކު، މުޢާމަލާތުގައި ކުންފުނީގެ ޤާނޫނީ ޝަޚްޞިއްޔަތުގެ ފަރުދާ ނަގައި ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނުގެ 74 ވަނަ މާއްދާގައިވާ ފަދައިން ކުންފުނީގެ ޑިރެކްޓަރުން ފަރުދީ ގޮތުން ޒިންމާ އުފުލަންޖެހޭ ޙާލަތެއް މި މުޢާމަލާތުގައި އުފަންވެފައި ނުވާކަމަށް އަހުރެން ދެކެމެވެ.

(ށ) ދައްލާއަޖްޔާދު ހޮޓަލުގައި އަދި ޢަޒީޒިއްޔާގައި ހުރުމުގެ ޚަރަދުގެ ގޮތުގައި ދައުލަތުން ކޮށްފައިވާ ޚަރަދު

އިސްތިއުނާފުގައި ގޮތެއް ކަނޑައަޅަންޖެހޭ ދެވަނަ ނުކުތާއަކީ، ދައްލާއަޖްޔާދު ހޮޓަލުގައި އަދި ޢަޒީޒިއްޔާގައި ހުރުމުގެ ޚަރަދުގެ ގޮތުގައި 1,782,808.28ރ. (އެއްމިލިއަން ހަތްލައްކަ އަށްޑިހަ ދެހާސް އަށްސަތޭކަ އަށްރުފިޔާ އަށާވީސްލާރި) އަކީ އަލްފަތުޙު ޙައްޖު އެންޑް ޢުމްރާ ގުރޫޕްގެ އެދުމުގެ މަތިން ދައުލަތުން ކޮށްފައިވާ ޚަރަދެއްކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ކަނޑައެޅުމުގައި ފަނޑިޔާރުންގެ ޤާނޫނުގެ 05 ވަނަ މާއްދާގެ (ހ) އާ ޚިލާފުވެފައިވޭތޯ ބެލުމުގެ މައްޗަށެވެ.

މި ނުކުތާގެ ޖަވާބުގައި ދައުލަތުން ފާހަގަކޮށްފައިވަނީ، ފަނޑިޔާރުންގެ ޤާނޫނުގެ 05 ވަނަ މާއްދާއަކީ މައްސަލައެއް ނިންމުމުގައި ފަނޑިޔާރުން ޢަމަލުކުރަންޖެހޭނެ މިންގަނޑާއި އުޞޫލުތައް ބަޔާންކުރާ މާއްދާކަމާއި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2019/HC-A/49 ޤަޟިއްޔާ ނިންމުން އެ މާއްދާއާ ޚިލާފުވި ގޮތެއް އިސްތިއުނާފުކުރާ ފަރާތުން ހުށަހަޅާފައިވާ ތަފްސީލުން ދޭހަ ނުވާކަމަށެވެ.

ސިވިލް ކޯޓުގެ ނަންބަރު 2717/Cv-C/2017 ޤަޟިއްޔާގައި ދައުލަތުން އިސްތިއުނާފު ކުރާ ފަރާތްތަކުގެ ކިބައިން ހޯދުމަށް އެދުނު ފައިސާގެ ޖުމްލަ ޢަދަދަކީ 6,677,468.79ރ. (ހަމިލިޔަން ހަލައްކަ ހަތްދިހަ ހަތްހާސް ހަތަރު ސަތޭކަ ފަސްދޮޅަސް އަށްރުފިޔާ ހަތްދިހަ ނުވަލާރި) އެވެ. މީގެ ތެރެއިން ސިވިލް ކޯޓުގެ ޤަޟިއްޔާގައި ސާބިތުވެފައިވަނީ 4,939,600.71ރ. (ހަތަރު މިލިޔަން ނުވަލައްކަ ތިރީސް ނުވަހާސް ހަސަތޭކަ ރުފިޔާ ހަތްދިހަ އެއްލާރި) އެވެ. އެހެންކަމުން ދައުލަތުން އެދުނު ފައިސާގެ ތެރެއިން ސާބިތުނުވާ ފައިސާއަކީ ޙައްޖާޖީން ދައްލާއަޖްޔާދު ހޮޓަލުގައި އަދި ޢަޒީޒިއްޔާގައި ހުރުމުގެ ޚަރަދަށް ހިނގާފައިވާ 1,782,808.28ރ. (އެއްމިލިއަން ހަތްލައްކަ އަށްޑިހަ ދެހާސް އަށްސަތޭކަ އަށްރުފިޔާ އަށާވީސްލާރި) އެވެ.

ޙައްޖާޖީން ދައްލާއަޖްޔާދު ހޮޓަލުގައި އަދި ޢަޒީޒިއްޔާގައި ހުރުމުގެ ޚަރަދަށް ހިނގާފައިވާ 1,782,808.28ރ. (އެއްމިލިއަން ހަތްލައްކަ އަށްޑިހަ ދެހާސް އަށްސަތޭކަ އަށްރުފިޔާ އަށާވީސްލާރި) އަކީ ވެސް އަލްފަތުޙު ޙައްޖު އެންޑް ޢުމްރާ ގްރޫޕްގެ އެދުމުގެ މަތިން ދައުލަތުން ކޮށްފައިވާ ޚަރަދެއްކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ކަނޑައަޅާފައިވަނީ އެ ކޯޓުގެ ޝަރީޢަތުގެ ކުރި މައްޗަށް ހުށަހެޅުނު ކަންކަމުގެ މައްޗަށް ބުރަވެކަމަށް އަހުރެން ދެކެމެވެ.

ސިވިލް ކޯޓުން މި ފައިސާ ސާބިތު ނުވާކަމަށް ކަނޑައަޅާފައިވާ މައިގަނޑު ސަބަބަކީ ފައިސާގެ މުޢާމަލާތުގެ ތަފްސީލު ނެތުމުން ކަމުގައިވިޔަސް ދިވެހިރާއްޖޭގެ ހައިކޯޓުން މައްސަލައިގައި ފެންނަން ހުރި ލިޔެކިއުންތަކުގެ މައްޗަށް ނަޒަރުކޮށް، ޙައްޖާޖީންނަށް ދައްލާއަޖްޔާދު ހޮޓަލުގައި އަދި ޢަޒީޒިއްޔާގައި ހުރުމުގެ ޚަރަދަށް ހިނގާފައިވާ 1,782,808.28ރ. (އެއްމިލިއަން ހަތްލައްކަ އަށްޑިހަ ދެހާސް އަށްސަތޭކަ އަށްރުފިޔާ އަށާވީސްލާރި) ސާބިތުކޮށް އެ ވާޤިޢާ ކަށަވަރުކޮށްފައިވާތީވެ، އެކަމުގެ މައްޗަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ ކުރިމަތީގައި ބަހުސްކޮށް އެ ވާޤިޢާ އަލުން ކަށަވަރު ކުރަންޖެހޭ ފަދަ މަޙައްލެއް އުފަންނުވެއެވެ.

މި މުޢާމަލާތު ހިނގާފައިވާ ގޮތަށް ބަލައި ދައުލަތުން ޙައްޖާޖީންނަށް ދައްލާއަޖްޔާދު ހޮޓަލުގައި އަދި ޢަޒީޒިއްޔާގައި ކޮށްފައިވާ ޚަރަދުތަކަކީ، އަލްފަތުޙު ޙައްޖު އެންޑް ޢުމްރާ ގުރޫޕްގެ އެދުމުގެ މަތިން ތިންވަނަ ފަރާތަކަށް ކޮށްފައިވާ ޚަރަދުތަކެއް ކަމަށްވެފައި، ދިވެހިރާއްޖޭގެ ހައިކޯޓުން އެ ކޯޓުގެ ޝަރީޢަތުގެ ކުރި މައްޗަށް ހުށަހެޅުނު ކަންކަމާއި ފެންނަން ހުރި ލިޔެކިއުމުގެ މައްޗަށް ބަލައި ކަނޑައަޅާފައިވަނީ ފަނޑިޔާރުންގެ ޤާނޫނުގެ 05 ވަނަ މާއްދާގެ (ހ) އާއި އެއްގޮތަށެވެ. މިކަން ދިވެހިރާއްޖޭގެ ހައިކޯޓުން އެ ވާޤިޢާ ކަށަވަރުކޮށް ނިންމާފައިވާ ނިންމުމުންނާއި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޝަރީޢަތުގައި އިސްތިއުނާފުކުރާ ފަރާތްތަކުން ދައްކާފައިވާ ވާހަކަތަކުން އެނގެއެވެ.

ދައުލަތުން ޚަރަދުކޮށްފައިވާ ފައިސާއަކީ އަލްފަތުޙު ޙައްޖު އެންޑް ޢުމްރާ ގްރޫޕް އާއި މުޞްތަފާ މުޙައްމަދުދީދީގެ މައްޗަށްވާ ދަރަންޏެއް ކަމަށް ކަނޑައެޅުން

ބަޔާންވެދިޔަ ކަންކަމުގެ އަލީގައި މި މައްސަލައިގައި، ކުންފުނީގެ ޤާނޫނީ ޝަޚްޞިއްޔަތުގެ ފަރުދާ ނެގުމަށްފަހު އަލްފަތުޙު ޙައްޖު އެންޑް ޢުމްރާ ގްރޫޕްގެ ޑިރެކްޓަރުން ފަރުދީ ގޮތުން ޒިންމާވާން ޖެހޭނެކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ކަނޑައަޅާފައި އޮތްއޮތުން ރަނގަޅު ނޫންކަމަށް އަހުރެން ދެކެމެވެ.

އެހެންކަމުން، ދިވެހިރާއްޖޭގެ ހައިކޯޓުގެ މައްސަލަ ބެލި ފަނޑިޔާރުންގެ އަޣްލަބިއްޔަތުން އެ ފައިސާއަކީ ކުންފުނީގެ ޤާނޫނީ ޝަޚްޞިއްޔަތުގެ ފަރުދާ ނެގުމަށްފަހު ޑިރެކްޓަރުން ފަރުދީ ގޮތުން ޒިންމާވާން ޖެހޭކަމަށް ބަޔާންކޮށްފައިވަނީ ރަނގަޅަށް ނޫން ކަމުގައިވާތީވެ އެ ޙުކުމުގެ އެ ބަޔަށް ބަދަލު ގެންނަންޖެހޭ ކަމަށް އަހުރެން ދެކޭހިނދު، މި މުޢާމަލާތާ ގުޅިގެން ދައުލަތުން ޚަރަދުކޮށްފައިވާ ކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ކަނޑައަޅާފައިވަނީ ޖުމްލަ 6,722,408.99ރ. (ހަމިލިޔަން ހަތްލައްކަ ބާވީސްހާސް ހަތަރުސަތޭކަ އަށްރުފިޔާ ނުވަދިހަ ނުވަލާރި) އަކީ އަލްފަތުޙު ޙައްޖު އެންޑް ޢުމްރާ ގްރޫޕް އެކޭ އެއްފަދައިން މުޞްތަފާ މުޙައްމަދުދީދީ އެކުއެކީ އަދި ވަކިވަކިން ދައުލަތަށް ދައްކަންޖެހޭ ފައިސާއެއް ކަމަށް އަހުރެން ދެކެމެވެ.

ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރައުޔުމި މައްސަލައިގައި ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންގެ ރައުޔު

މި މައްސަލައިގައި ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

ޙުކުމް

ދެންފަހެ، މަތީގައި ބަޔާންކުރެވުނު ސަބަބުތައް އެހެން ހުރުމުން:

(ހ) ކުންފުނީގެ ޤާނޫނީ ޝަޚްޞިއްޔަތުގެ ފަރުދާ ނަގައި އަލްފަތުޙު ޙައްޖު އެންޑް ޢުމްރާ ގްރޫޕްގެ ޑިރެކްޓަރުން ފަރުދީ ގޮތުން ދައުލަތުން ކޮށްފައިވާ ޚަރަދުތަކަށް ޒިންމާވާންޖެހޭ ކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2019/HC-A/49 ޤަޟިއްޔާގައި ކަނޑައަޅާފައި އޮތްއޮތުން މި މައްސަލަ ބެލި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އިއްތިފާގުން ބާޠިލުކޮށްފީމެވެ.

(ށ) ދެން އެ ޤަޟިއްޔާގައި ހުރި އެހެނިހެން ބައިތަކަށް ތާއީދުކޮށް ދައުލަތުން ކޮށްފައިވާ ޚަރަދުކަމަށް ބަޔާންކޮށްފައިވާ 6,722,408.99ރ. (ހަމިލިޔަން ހަތްލައްކަ ބާވީސްހާސް ހަތަރުސަތޭކަ އަށްރުފިޔާ ނުވަދިހަ ނުވަލާރި) އަކީ، އަލްފަތުޙު ޙައްޖު އެންޑް ޢުމްރާ ގްރޫޕް އާއި މުޞްތަފާ މުޙައްމަދުދީދީ އެކުއެކީ އަދި ވަކިވަކިން ދައުލަތަށް ދައްކަންޖެހޭ ފައިސާއެއް ކަމަށް ކަނޑައަޅައި، މި ފައިސާ މިއަދު 28 ނޮވެންބަރު 2021 އިން ފެށިގެން 06 (ހައެއް) މަސްދުވަހުގެ ތެރޭގައި އެ މަހަކަށް ޖެހޭ ވަރެއް ސިވިލް ކޯޓަށް ދައްކައި ޚަލާސްކުރުމަށް އަލްފަތުޙު ޙައްޖު އެންޑް ޢުމްރާ ގްރޫޕް އާއި މުޞްތަފާ މުޙައްމަދުދީދީގެ މައްޗަށް އަމުރުކޮށް މި މައްސަލަ ބެލި ދިވެހިރާއްޖެގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުން އިއްތިފާޤުން ޙުކުމްކޮށްފީމެވެ.

މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ:

ޙުސްނުއްސުޢޫދުމުޙައްމަދު އިބްރާހީމްޢަލީ ރަޝީދު ޙުސައިން(ރިޔާސަތު)

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ޝެއަރ ކުރައްވާ