މިނިސްޓްރީ އޮފް އެޑިއުކޭޝަން (ދިވެހި ދައުލަތް) ވ. މާލެ ހައި ޕްރައިވެޓް ލިމިޓެޑް
ޚުލާޞާ
ޚުލާޞާ ނެތް.
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- —
- ފަހުގެ ތާރީޚު
- —
ނިންމުން
—
ކޯ ޓާމްސް
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
މި ލިޔުމުން އުޞޫލެއް ނުނެގުނު.
ފަނޑިޔާރުން
- ބެންޗު
- —
- ޚިލާފު ރައުޔު
- ނެތް
ޝަރީޢަތުގެ ވީޑިއޯ
ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު
2020/SC-A/111
ޝަރީޢަތް ނިމުނުގޮތް
މިނިސްޓްރީ އޮފް އެޑިއުކޭޝަން (ދިވެހި ދައުލަތް) ވ. މާލެ ހައި ޕްރައިވެޓް ލިމިޓެޑް))
ފަނޑިޔާރުންގެ މަޖިލިސް
އުއްތަމަ ފަނޑިޔާރު އަޙްމަދު މުޢުތަޞިމް ޢަދުނާންފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްނިމުނު ތާރީޚު
28 ފެބްރުއަރީ 2021އިސްތިއުނާފު ކުރެވުނު ޤަޟިއްޔާ
2018/HC-A/99
އިސްތިއުނާފު ރައްދުވާ ފަރާތް
އިސްތިއުނާފުކުރާ ފަރާތް
މާލޭ ހައި ޕްރައިވެޓް ލިމިޓެޑް، ކުންފުނި ރަޖިސްޓްރީ ނަންބަރު: C-0122/2020
މިނިސްޓްރީ އޮފް އެޑިއުކޭޝަން (ދިވެހި ދައުލަތް)ބަދަލުގައި: އިބްރާހީމް އސްމާޢީލް، މއ. ބޯގަންވިލާ، މާލެ
ޤާނޫނީ ވަކީލު: ޢަލީ ޝުހައިލް މުޙައްމަދު
އަޙްމަދު ނަޝާތު
ބަދަލުގައި: ޢަބްދުއްﷲ މުޢިއްޒު
މަދަނީ – ބަދަލު ހޯދުން – ޑީޑް އޮފް އެސައިންމެންޓް
މިނިސްޓްރީ އޮފް އެޑިއުކޭޝަން (ދިވެހި ދައުލަތް) ވ. މާލެ ހައި ޕްރައިވެޓް ލިމިޓެޑް))[2021] SC 22
އުއްތަމަ ފަނޑިޔާރު އަޙްމަދު މުޢުތަޞިމް ޢަދުނާންގެ ރައުޔު (ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިން އަދި ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމް ތާއީދު ކުރައްވާފައި)
ތަޢާރުފު
މާލޭ އިންގްލިޝް ސްކޫލް ހިންގި ޢިމާރާތުގައި 10 އަހަރު ދުވަހުގެ މުއްދަތަށް އިންޓަރނޭޝަނަލް ސްކޫލެއް ހިންގުމަށް މިނިސްޓްރީ އޮފް އެޑިއުކޭޝަން ("އެޑިއުކޭޝަން" ނުވަތަ "ދައުލަތް") އާއި މާލޭ އިންގްލިޝް ސްކޫލްގެ އޭރުގެ މަސްއޫލުވެރިން ކަމުގައިވާ ގ. ސިނަމާލެ 3 (34-04) ޢަލީ މުސްޠަފާ އަދި މ. ސީނާ، މާލެ، އަޙްމަދު ޒާހިރު ("އެމް.އީ.އެސްގެ މަސްއޫލުވެރިން") އާ ދެމެދު 2008 ޑިސެންބަރު 28 ވަނަ ދުވަހު ލީސް އެގްރީމަންޓް ޓު އޮޕަރޭޓް އަ ޕްރައިވަޓް އިންޓަރނޭޝަނަލް ސްކޫލް އެޓް ދަ ޕްރެމިސަން އޮފް އެމް.އީ.އެސް ("ލީސް އެގްރީމަންޓެއް") މި ނަމުގައި އެގްރީމަންޓެއް ސޮއިކުރިއެވެ.
އެމް.އީ.އެސްގެ މަސްއޫލުވެރިންނާއި އެޑިއުކޭޝަނާ ދެމެދު 28 ޑިސެންބަރު 2008 ގައި ހެދި ލީސް އެގްރީމަންޓް، ޑީޑް އޮފް އެސައިންމަންޓް އެއްގެ ދަށުން މާލޭ ހައި ޕްރައިވެޓް ލިމިޓެޑް ("މާލޭ ހައި") އަށް، 06 އެޕްރީލް 2010 ގައި ބަދަލު (assign) ކޮށްފައިވެއެވެ. އަދި މި ޑީޑް އޮފް އެސައިންމަންޓަށް އެޑިއުކޭޝަނުން ރުހުން ދީފައިވެއެވެ.
ޑީޑް އޮފް އެސައިންމަންޓެއްގެ ދަށުން މާލޭ ހައިއަށް ބަދަލު ކުރެވުނު ލީސް އެގްރީމަންޓް އުވާލާނެކަމުގެ ނޯޓިސްދީ އެޑިއުކޭޝަނުން ލީސް އެގްރީމަންޓް އުވާލިއެވެ. އެޑިއުކޭޝަނުން ނޯޓިސްގެ ގޮތުގައި ދިނީ 15 ދުވަހުގެ މުއްދަތެކެވެ. ލީސް އެގްރީމަންޓް އުވާލަންޖެހުނު ސަބަބު ކަމުގައި އެޑިއުކޭޝަނުން މަންދު ކޮލެޖްގެ ޗެއަރމަން އިބްރާހީމް އިސްމާޢީލަށް ފޮނުވި އެޑިއުކޭޝަންގެ ނަންބަރު: 42/2915/PRIV/E-22 (25 ޖަނަވަރީ 2015) ސީޓީ ގައި ބުނެފައިވަނީ:
"... ]28 ޑިސެންބަރު 2008 ގެ ލީސް އެގްރީމަންޓް[ ގެ މަޤްޞަދަކީ ކުރީގެ އެމް.އީ.އެސް ޢިމާރާތުގައި އިންޓަރނޭޝަނަލް ސްކޫލެއް ހިނގުންކަމަށްވެފައި، އެއްބަސްވުމުގެ 10 ވަނަ މާއްދާގައި ވާގޮތުން، އެ އެއްބަސްވުމުގައި ބަޔާންކުރާ ސްކޫލުގެ ޚިދުމަތް 2009 ވަނަ އަހަރު ފަށަން ޖެހޭނޭ ކަމަށް ބަޔާންކޮށްފައި އޮތްނަމަވެސް، އެއްބަސްވުމުގެ ފަހުން ފާއިތުވެ މިދިޔަ 7 އަހަރުވެސް، އެއްބަސްވުމުގެ ދަށުން ތިޔަފަރާތުން ކުރަންޖެހޭ ކަންކަން ކޮށްފައިނުވާކަން ފާހަގަކުރެވެއެވެ. އަދި، ހަމަމިއާއެކު، އެމް.އީ.އެސްގެ ޢިމާރާތް ދޫކުރުމުގައި ކޮރަޕްޝަނަށް މަގުފަހިވާފަދަ ކަންތައްތަކެއް ހިމެނޭކަމަށާއި، ދައުލަތުގެ މާލިއްޔަތު ޤަވާޢިދާ ޚިލާފުވުން ކަމުގައި ބެލެވޭ ކަންތައްތަކެއް ހިމެނޭކަމަށް ފެނިވަޑައިގަންނަވާކަމަށާއި، އެހެންކަމުން މި ޢިމާރާތް އަމިއްލަ ފަރާތަކަށް ދޫކުރުމުގެ ކަންކަން ކަނޑައެޅިފައިވާ އުޞޫލުތަކުގެ ތެރެއިން ކުރެއްވުމަށް އެންޓިކޮރަޕްޝަން ކޮމިޝަންގެ ލަފާފުޅެއްވެސް ވަނީ މިނިސްޓްރީއަށް ލިބިފައެވެ.
ވީމާ، މިދެންނެވި ކަންކަމަށް ރިޢާޔަތްކުރާއިރު، އެމް.އީ.އެސްގެ ޢިމާރާތް ތިޔަ ފަރާތާ ޙަވާލުކުރުމުގެ މަޤްޞަދު ޙާޞިލްވެފައިނުވާތީއާއި ތިޔަފަރާތުން އެއްބަސްވުމާ ޚިލާފުވެފައިވާތީ، އެއްބަސްވުމުގެ 27 ވަނަ މާއްދާއިން މި މިނިސްޓްރީއަށް ލިބިދޭ އިޚްތިޔާރުގެ ދަށުން، އެއްބަސްވުން އުވާލުމަށް ނިންމައި، އެއްބަސްވުމުގެ 27 ވަނަ މާއްދާގެ ދަށުން ތިޔަ ފަރާތަށް ދޭންޖެހޭ 15 ދުވަހުގެ ނޯޓިސް، މިއަދުން ފެށިގެން ހިނގާނެ ވާހަކަ ދަންނަވަމެވެ."
28 އެޕްރީލް 2008 ގެ ލީސް އެގްރީމަންޓް އުވާލާފައި ވަނީ މި އެއްބަސްވުމާ ޚިލާފަށް ކަމަށާއި، މި އެއްބަސްވުމާ ޚިލާފަށް އެއްބަސްވުން އުވާލުމުގެ ސަބަބުން ލިބޭ އެންމެހައި ގެއްލުންތަކުގެ ބަދަލު ދައުލަތުގެ ފަރާތުން ހޯދުމުގެ ޙައްޤު މާލޭ ހައިއަށް ލިބިގެންވާކަމަށް ކަނޑައަޅައި ދިނުމަށާއި، މި ދަޢުވާގެ މައްސަލަ ކޯޓަށް ހުށަހެޅުމުގައި ޤާނޫނީ ވަކީލަށް ޚަރަދުވެފައިވާ 53,000/- (ފަންސާސް ތިން ހާސް) ރުފިޔާ އެއްފަހަރާ ނަގައިދިނުމަށް އެދި، މާލޭ ހައިގެ ފަރާތުން، ދައުލަތުގެ މައްޗަށް ސިވިލް ކޯޓުގައި ދަޢުވާކުރިއެވެ.
ސިވިލް ކޯޓަށް މާލޭ ހައިއިން މައްސަލަ ހުށަހަޅާފައިވަނީ 2016 ސެޕްޓެންބަރު 20 ވަނަ ދުވަހުއެވެ. ސިވިލް ކޯޓުން މި މައްސަލަ ބެލުމަށްފަހު، މައްސަލަ ނިންމާފައި ވަނީ 2017 އޮގަސްޓު 29 ވަނަ ދުވަހުއެވެ. ސިވިލް ކޯޓުން މި މައްސަލަ ބަލާފައިވަނީ އެ ކޯޓުގެ ނަންބަރު 1959/Cv-C/2016 ޤަޟިއްޔާއިންނެވެ.
ސިވިލް ކޯޓުގެ ނަންބަރު 1959/Cv-C/2016 ޤަޟިއްޔާ ނިންމާފައިވާގޮތާ މެދު ހިތްހަމަނުޖެހޭތީ މާލޭ ހައިއިން މި ޤަޟިއްޔާ ހައިކޯޓުގައި އިސްތިއުނާފު ކުރިއެވެ. ހައިކޯޓުގައި މައްސަލަ ބަލާފައިވަނީ އެ ކޯޓުގެ ނަންބަރު 2018/HC-A/99 ޤަޟިއްޔާއިންނެވެ. ހައިކޯޓުން މި މައްސަލައިގެ ޙުކުމްކޮށްފައިވަނީ 2020 ޖޫން 17 ވަނަ ދުވަހުއެވެ.
މިއީ، ހައިކޯޓުގެ ނަންބަރު 2018/HC-A/99 ޤަޟިއްޔާ ނިންމާފައިވާ ގޮތާމެދު ހިތްހަމަނުޖެހޭތީ ދައުލަތުގެ ފަރާތުން ސުޕްރީމް ކޯޓުގައި އެ މައްސަލަ އިސްތިއުނާފު ކުރުމުން ސުޕްރީމް ކޯޓުން އެ މައްސަލަ ބެލި ޤަޟިއްޔާއެވެ.
ސިވިލް ކޯޓުން މައްސަލަ ނިންމާފައިވާގޮތް
ސިވިލް ކޯޓުގެ ނަންބަރު 1959/Cv-C/2016 ޤަޟިއްޔާ ނިންމުމުގައި އެ ކޯޓުން ބުނެފައިވަނީ؛
"... މާލޭ އިންގްލިޝް ސްކޫލުގެ އޭރުގެ މަސްއޫލުވެރިންނާއި މިނިސްޓްރީ އޮފް އެޑިއުކޭޝަނާ ދެމެދުގައި 28 ޑިސެންބަރު 2008 މި ތާރީޚުގައި ވެފައިވާ އެއްބަސްވުމުގެ އެންމެހައި ޙައްޤުތައް އޭގެ ޝަރުޠުތަކާއި އިލްތިޒާމްތަކާ އެކު މާލޭ ހައި ޕްރައިވެޓް ލިމިޓެޑަށް ބަދަލުކުރެވިގެންވާ އެއްބަސްވުމުގެ ދަށުން މާލޭ ހައި ޕްރައިވެޓް ލިމިޓެޑުން އަދާކުރަންޖެހޭ އިލްތިޒާމްތައް އެއްބަސްވުމުގެ ޝަރުޠުތަކާ އެއްގޮތަށް އެއްބަސްވުމުގައި ބުނެފައިވާ ތާރީޚުގެ ފަހުގެ މުއްދަތު ގުނޭ ނުވަތަ އެނޫން މުއްދަތެއްގެ ގޮތުގައި ބެލެވޭނެ ތާރީޚެއްގައިވިޔަސް އަދާނުކޮށް އެއްބަސްވުމާއި ޚިލާފުވުން މަތީ ދެމިތިއްބައި އެއްބަސްވުމުގައި އެއްބަސްވުން އުވާލުމަށް މިނިސްޓްރީ އޮފް އެޑިއުކޭޝަނަށް ލިބިގެންވާ އިޚްތިޔާރީ ބާރުގެ ދަށުން އެއްބަސްވުން އުވާލާއިރު ޢަމަލުކުރަން ޖެހޭގޮތާ އެއްގޮތަށް ޢަމަލުކޮށްފައިވާކަން އެނގެން އޮއްވައި އެ އެއްބަސްވުން އުވާލާފައިވަނީ އެއްބަސްވުމާ ޚިލާފަށް ކަމަށް ބުނެ އެ އެއްބަސްވުން އުވާލުމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު ހޯދުމުގެ ޙައްޤާއި ވަކީލު ފީ ލިބުމަށް ދަޢުވާކުރާ މާލޭ ހައި ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ބުނެފައިވާ ބުނުން އެއީ ރަނގަޅު ބުނުމެއް ކަމުގައި ބަލާނެ ހަމައެއް ނެތްކަން ޝަރީޢަތުގެ ހަމަތަކުން އެނގެން އޮންނަ ]ކަމަށެވެ.["
ދިވެހިރާއްޖޭގެ ހައިކޯޓުން މައްސަލަ ނިންމާފައިވާ ގޮތް
މާލޭ ހައިގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރި 8 ނުކުތާއަށް ބަލައި، ހައިކޯޓުން އެ މައްސަލަ ނިންމުމުގައި ތިން ކަމެއް ކަނޑައަޅާފައިވެއެވެ.
އެޑިއުކޭޝަނުން ލީސް އެގްރީމްންޓް އުވާލާފައިވަނީ އެއްބަސްވުމާ ޚިލާފަށްކަން.
އެޑިއުކޭޝަނުން ލީސް އެގްރީމަންޓާ ޚިލާފަށް ލީސް އެގްރީމަންޓް އުވާލާފައިވާތީ މާލޭ ހައިއަށް ލިބޭ އެންމެހައި ގެއްލުންތަކުގެ ބަދަލު ހޯދުމަށް ދައުލަތުގެ މައްޗަށް ދަޢުވާކުރުމުގެ ޙައްޤު މާލޭ ހައިއަށް ލިބިގެންވާކަން.
މާލޭ ހައިއިން ކުރަންޖެހުނު ޤާނޫނީ ޚަރަދު ދެނެގަނެވޭނެ ފަދަ އެއްވެސް ލިޔުމެއް ހުށަހަޅާފައި ނުވާތީ، ލީސް އެގްރީމަންޓްގެ 29.2 ވަނަ މާއްދާގެ ދަށުން އަދި މި ޚަރަދު ނަގައިނުދެވޭނެކަން.
ހައިކޯޓުގެ ނަންބަރު 2018/HC-A/99 ޤަޟިއްޔާ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން އެ ޤަޟިއްޔާ ނިންމާފައިވަނީ، ސިވިލް ކޯޓުގެ ނަންބަރު 1959/Cv-C/2016 ޤަޟިއްޔާ ނިންމާފައިވަނީ ޤާނޫނީ އަދި ޝަރުޢީ ހަމަތަކާ އެއްގޮތަށްކަމަށް ނުވާތީ އެ ނިންމުމަށް ބަދަލު ގެންނަންޖެހޭނެ ކަމަށެވެ.
ހައިކޯޓުގެ ނަންބަރު 2018/HC-A/99 ޤަޟިއްޔާގެ ޙުކުމް ތިރީގައި ނަކަލު ކުރަމެވެ.
"ދެންފަހެ، އިސްވެ ފާހަގަކުރެވުނު ކަންކަން އެގޮތުގައި ހުރުމުން، ސިވިލް ކޯޓުގެ ނަންބަރު 1959/Cv-C/2016 ޤަޟިއްޔާއިން ނިންމާފައިވާ ނިންމުން ބާޠިލުކޮށް، މާލޭ އިންގްލިޝް ސްކޫލް ހުރި ޢިމާރާތުގައި ޕްރައިވެޓް އިންޓަރނޭޝަނަލް ސްކޫލެއް ހިންގުމަށްޓަކައި އެ ސްކޫލުގެ އޭރުގެ މަސްއޫލުވެރިންނާއި މިނިސްޓްރީ އޮފް އެޑިއުކޭޝަންއާ ދެމެދު 28 ޑިސެންބަރު 2008 ގައި ވެފައިވާ އެއްބަސްވުމުގެ ދަށުން އެ ސްކޫލުގެ އޭރުގެ މަސްއޫލުވެރިންނަށް ލިބިފައިވާ ޙައްޤުތަކާއި އިލްތިޒާމްތައް މާލޭ ހައި ޕްރައިވެޓް ލިމިޓެޑަށް 06 އެޕްރީލް 2010 ގައި ބަދަލުކޮށްފައިވަނިކޮށް، އެ އެއްބަސްވުން އުވާލުމަށް މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ނިންމާފައިވާ ނިންމުމަކީ، އެ އެއްބަސްވުމުގެ 27.1 ވަނަ މާއްދާގެ (ބ) އާ ޚިލާފަށް ނިންމާފައިވާ ނިންމުމެއްކަމަށް ކަނޑައަޅައި، މި އެއްބަސްވުން އުވާލުމުގެ ސަބަބުން މާލޭ ހައި ޕްރައިވެޓް ލިމިޓެޑަށް ލިބިގެންދާ އެންމެހައި ގެއްލުމުގެ ބަދަލު ހޯދުމަށް މިނިސްޓްރީ އޮފް އެޑިއުކޭޝަން ނުވަތަ ދިވެހި ދައުލަތުގެ ކަމާބެހޭ އިދާރާގެ މައްޗަށް ދަޢުވާކުރުމުގެ ޙައްޤު މާލޭ ހައި ޕްރައިވެޓް ލިމިޓެޑަށް ލިބިގެންވާކަމާއި، މީގެ އިތުރުން މާލޭ ހައި ޕްރައިވެޓް ލިމިޓެޑުން ސިވިލް ކޯޓުގައި ހޯދުމަށް އެދިފައިވާ ޤާނޫނީ ވަކީލުގެ ޚަރަދު ހުށަހަޅާފައިވާ ލިޔުންތަކުގެ މައްޗަށް ބިނާކޮށް އަދި ނަގައިދެވެން ނެތްކަމަށް މި މައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމްކޮށްފީމެވެ."
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ކުރެވުނު އިސްތިއުނާފު
ދައުލަތުގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅުނު މި މައްސަލައާ ގުޅިގެން މާލޭ ހައި ގެ ފަރާތުން ވަގުތީ އަމުރެއް ނެރުމަށް އެދިފައިވެއެވެ. އެހެންކަމުން، މި މައްސަލައިގައި ފުރަތަމަ ގޮތެއް ކަނޑައެޅިފައިވާނީ މި ވަގުތީ އަމުރާމެދު ގައެވެ. އެއަށްފަހު މި މައްސަލައިގައި ދައުލަތުންނާއި މާލޭހައި ގެ ފަރާތުން ހުށަހެޅި ނުކުތާތަކާއި ޝަރީޢަތުގެ މަޖިލީހުގައި ދެފަރާތުން ދެއްކި ވާހަކަތަކުގެ މައްޗަށް ބަލައި ގޮތެއް ކަނޑައެޅިފައިވާނެއެވެ.
މާލޭ ހައި އިން ސުޕްރީމް ކޯޓުގައި އެދުނު ވަގުތީ އަމުރު
މާލޭ ހައިއިން ސުޕްރީމް ކޯޓުގައި ޙުކުމް ތަންފީޛު ކުރުމުގެ ވަގުތީ އަމުރަކަށް އެދިފައިވެއެވެ. ވަގުތީ އަމުރު ނެރުމަކާނުލައި އަސްލު މައްސަލަ ލަސްވެގެން ހިނގައްޖެނަމަ ކުރިމަތިވެދާނެ ނުރައްކާ އޮތްކަމަށްބުނެ، އަންނަނިވި ކަންކަން ފާހަގަކޮށް ވަގުތީ އަމުރެއް ނެރެދިނުމަށް މާލޭ ހައިއިން އެދުނެވެ.
މާލޭ ހައިއިން އެދިފައިވާ ގޮތަށް މައުޟޫޢީ މައްސަލަ ނިމިއްޖެނަމަ އެ ޙުކުމް ތަންފީޛު ކުރުމުގައި ދިމާވާނެ ދައްޗަކީ އެ ޢިމާރާތުގައި މަދު ކުދިންކޮޅަކާއެކު މިހާރު ފަށާފައިވާ ސްކޫލަށް އިތުރު ދަރިވަރުން ތަކެއް އެންރޯލްކޮށް މުވައްޒަފުން އިތުރުކޮށްފިނަމަ އެ ޢިމާރާތް ހުސްކޮށް ޙަވާލު ކުރުމުގައި ދިމާވާނޭ ދަތިތަކާއި ލަސްވެގެންދާ ދިއުންކަން.
60 އަށްވުރެ ގިނަ މުވައްޒަފުންގެ ވަޒީފާގެއްލި އެތަކެއް ސަތޭކަ ދަރިވަރުންގެ ކިޔެވުން ހުއްޓުމަކަށް އަންނާނެކަން.
2021 ގައި ދަރިވަރުންގެ ޢަދަދު އިތުރު ނުކުރެވިއްޖެނަމަ ކޮލެޖް ގެ މާލީ ކަންކަން ހުއްޓުމަކަށް އަންނާނެކަން.
މާލޭ ހައިއިން ނެރެދިނުމަށް އެދުނު ޙުކުމް ތަންފީޛު ކުރުމުގެ ވަގުތީ އަމުރާ ގުޅިގެން ދައުލަތުން ބުނަނީ މާލޭ ހައިއަށް ޤާނޫނީގޮތުން ޙިމާޔަތް ލިބެންޖެހޭ މައުޟޫޢީ ޙައްޤެއް ނުވަތަ ޤާނޫނީ މަރުކަޒެއް އޮތުމުގެ އިހްތިމާލު ފާޅުކަން ބޮޑުގޮތެއްގައި ޤާއިމުވެފައި ނެތްކަމަށާއި، ވަގުތީ އަމުރު ނެރެނުދިނުމުގެ ސަބަބުން މާލޭ ހައިއަށް ލިބޭނެ އިޢާދަނުކުރެވޭނެ ގެއްލުމެއްވެސް ނެތްކަމަށާއި، މި މައްސަލައިގައި ވަގުތީ އަމުރު ނެރެދީފިނަމަ، މާލޭ ހައިގެ ގެއްލޭ މަޞްލަޙަތަށްވުރެ ދައުލަތުގެ ރައްކާތެރިކުރެވޭ މަޞްލަޙަތު ބޮޑުކަމުގައިވާތީ، މާލޭ ހައިއިން އެދިފައިވާ ވަގުތީ އަމުރު ނެރެނުދިނުމަށެވެ.
ވަގުތީ އަމުރު ނެރެދިނުމަކީ މައްސަލަ ބަލާ ފަނޑިޔާރަށް ލިބިގެންވާ އިޚްތިޔާރީ ބާރެކެވެ. މާލޭ ހައިއިން ޙުކުމް ތަންފީޛު ކުރުމުގެ ވަގުތީ އަމުރަކަށް އެދުނު އެދުމަށާއި ދައުލަތުން ދިން ޖަވާބަށާއި ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދެފަރާތުންމެ ދެއްކި ވާހަކަތަކަށާއި ހުށަހެޅުނު ލިޔުންތަކަށް ބަލާއިރު، އަދި މި ޝަރީޢަތުގެ އަޑުއެހުންތައް ނިމިފައިވާތީ، އަހުރެންނަށް ފެނުނީ ވަގުތީ އަމުރު ނެރުމަކާނުލައި މައުޟޫޢީ ގޮތުން މި މައްސަލަ ނިންމުމަށެވެ.
ދައުލަތުން ހުށަހެޅި އިސްތިއުނާފީ ސަބަބުތަކާއި އޭގެ ޤާނޫނީ ބުރަދަން
ހައިކޯޓުގެ ނަންބަރު 2018/HC-A/99 ޤަޟިއްޔާ ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ކަމަށްބުނެ ދައުލަތުގެ ފަރާތުން ސުޕްރީމް ކޯޓަށް 03 ސަބަބެއް ހުށަހެޅިއެވެ. މި ތިން ސަބަބާމެދު ދައުލަތުން އަދި މާލޭ ހައިއިން ވަނީ ތަފްޞީލުކޮށް ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައެވެ.
ދައުލަތުން އިސްތިއުނާފު ކުރި ފުރަތަމަ ސަބަބު
މި މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމަށް ދައުލަތުން ހުށަހެޅި ފުރަތަމަ ސަބަބުގައި ބުނަނީ މާލޭ ހައިގެ ނަންބަރު 2013/02-MH (22 މޭ 2013) ގެ ސިޓީއަށް ޙަވާލާދީ، އެ ސިޓީން މާލޭ ހައިއިން ހޯދުމަށް އެދިފައިވާ ހުއްދަތައް އެޑިއުކޭޝަނުން ދީފައިނުވުމަކީ އެޑިއުކޭޝަނުން ވެފައިވާ އިހުމާލެއްކަމަށާއި މާލޭ ހައިއިން ހިންގަން ފަށަންޖެހޭ ޕްރައިވެޓް އިންޓަރނޭޝަނަލް ސްކޫލް ހިންގަން ފެށިފައިނުވަނީ އެޑިއުކޭޝަންގެ އިހުމާލުން ކަމުގައި ހައިކޯޓުން ނިންމާފައިވާ ނިންމުން ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 32 ވަނަ މާއްދާއާއި 33 ވަނަ މާއްދާގެ (ރ) އާ ޚިލާފުކަމަށެވެ.
ދައުލަތުން ހުށަހެޅި މި ސަބަބު އިތުރަށް ކިޔައިދެމުން ދައުލަތުން ބުނަނީ ހައިކޯޓުގެ ނަންބަރު 2018/HC-A/99 ޤަޟިއްޔާގެ، ޤަޟިއްޔާ ނިމުނުގޮތުގެ ޚުލާޞާގެ 3 ވަނަ ނަންބަރުގެ (ބ) ގައި، މާލޭ ހައިގެ ނަންބަރު 2013/02-MH (22 މޭ 2013) ގެ ސިޓީއާ ޙަވާލާދީ ހައިކޯޓުން ނިންމާފައިވަނީ މާލޭ ހައިގެ ނަންބަރު 2013/02-MH (22 މޭ 2013) ސިޓީއިން ހޯދުމަށް އެދިފައިވާ ހުއްދަތައް އެޑިއުކޭޝަނުން ދީފައިނުވުމަކީ އެޑިއުކޭޝަނުން ވެފައިވާ އިހުމާލެއްކަމަށާއި، މާލޭ ހައިއިން ހިންގަން ފަށަންޖެހޭ ޕްރައިވެޓް އިންޓަރނޭޝަނަލް ސްކޫލް ހިންގަން ފެށިފައިނުވަނީ އެޑިއުކޭޝަންގެ އިހުމާލުންކަމަށެވެ. މިގޮތަށް ހައިކޯޓުން ނިންމިއިރު، މާލޭ ހައިއާއި ދައުލަތާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން މާލޭ ހައިއިން ހިންގަން ފަށަންޖެހޭ ޕްރައިވެޓް އިންޓަރނޭޝަނަލް ސްކޫލް ހިންގަން ފެށިފައިނުވަނީ މާލޭ ހައިގެ ނަންބަރު 2013/02-MH (22 މޭ 2013) ގެ ސިޓީން ހޯދުމަށް އެދިފައިވާ ހުއްދަތައް އެޑިއުކޭޝަނުން ދީފައިނުވާތީކަމަށްބުނެ ހައިކޯޓުގައި މާލޭ ހައިއިން ޚުޞޫމަތެއް އުފައްދާފައިނުވާކަމާއި، ސްކޫލް ހިންގަން ފެށިފައިނުވަނީ ދައުލަތުގެ އިހުމާލުންކަމުގައި ކަނޑައަޅައިދިނުމަށްވެސް މާލޭ ހައިއިން އެދިފައިނުވާކަމަށެވެ. ކަންމިހެން އޮތްއިރު، މާލޭ ހައިގެ ނަންބަރު 2013/02-MH (22 މޭ 2013) ގެ ސިޓީއަށް ހައިކޯޓުން ރިޢާޔަތްކޮށް މި މުޢާމަލާތުގައި އެޑިއުކޭޝަނުން އިހުމާލުވެފައިވާ ކަމުގައި ހައިކޯޓުން ކަނޑައަޅައި، އެކަމުގެ މައްޗަށް ހައިކޯޓުގެ ނިންމުން ބިނާކޮށްފައިވަނީ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 33 ވަނަ މާއްދާގެ (ރ) އާ ޚިލާފަށް ކަމަށް ދައުލަތުން ދެކޭ ކަމަށެވެ.
ހައިކޯޓުގެ ނަންބަރު 2018/HC-A/99 ޤަޟިއްޔާގެ، ޤަޟިއްޔާ ނިމުނުގޮތުގެ ޚުލާޞާގެ 3 ވަނަ ނަންބަރުގެ (ބ) އަށް ބަލާއިރު، އެ ނަންބަރުގެ (ބ) ގައި ބުނަނީ؛
"...މެދުކެނޑުމަށްފަހު ޕްރައިވެޓް އިންޓަރނޭޝަނަލް ސްކޫލެއް އަލުން ފެށުމުގެ ކުރިން، 28 ޑިސެންބަރު 2008 ގެ އެއްބަސްވުމުގެ ދަށުން މާލޭ ހައި ޕްރައިވެޓް ލިމިޓެޑުން ދުރާލާ ބައެއް ހުއްދަތައް (approval) މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ހޯދަންޖެހެއެވެ. މިގޮތުން އެ އެއްބަސްވުމުގެ 2.3، 5.1، 6.1، 7.1، 8.1، އަދި 9.1 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަންކަން ކުރުމުގެ ކުރިން މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ހޯދަންޖެހޭ ހުއްދަ ހޯދުމަށްޓަކައި މިނިސްޓްރީ އޮފް އެޑިއުކޭޝަނަށް މާލޭ ހައި ޕްރައިވެޓް ލިވިޓެޑުން 22 މޭ 2013 ގައި ސިޓީއެއް ފޮނުވާފައިވެއެވެ. ނަމަވެސް މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ހުއްދަތައް ދީފައިނުވުމުގެ ސަބަބުން، އެ ސްކޫލު ފަހުން ހުޅުވިފައިނުވަނީ މިނިސްޓްރީ އޮފް އެޑިއުކޭޝަނުގެ ސަބަބުން ކަމަށް ބަލަންޖެހެއެވެ. އަދި މި އެއްބަސްވުން އުވާލުމަށް މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ނިންމާފައިވަނީ މިގޮތުގައި ދެމިހުރެ 25 ޖަނަވަރީ 2015 ގައެވެ"
ދައުލަތުން ޙަވާލާދީފައިވާ ކޯޓުތަކާބެހޭ ޤާނޫނު ގެ 32 ވަނަ މާއްދާއަކީ ހައިކޯޓުގެ މައްސަލަ ބެލުމުގެ އުޞޫލު ކަނޑައަޅާ މާއްދާއެވެ.
ކޯޓުތަކާ ބެހޭ ޤާނޫނު ގެ 32 ވަނަ މާއްދާގައި ބުނަނީ:
(ހ) ހައިކޯޓުން މައްސަލަ ބަލާނީ ދަށު ކޯޓުގައި ހުށަހެޅި ހެކިތަކާއި ދިފާޢުތަކަކީ އަސާސްކަމުގައި ބަލައިގެންނެވެ.
(ށ) މި މާއްދާގެ (ހ) ގައި އެހެން ބުނެފައި އޮތުމަކީ ދަށު ކޯޓުގައި ހުށަހެޅުމުގެ ފުރުޞަތު ލިބިފައިނުވާ ހެކި، އިސްތިއުނާފުގެ މަރުޙަލާގައި ހުށަހެޅުމަށް ހުރަސްއަޅާނެކަމެއް ނޫނެވެ.
(ނ) ހައިކޯޓުގައި އިސްތިއުނާފުކުރެވޭ މައްސަލަ ބަލާ ފަނޑިޔާރުންނަށް އެ މައްސަލަ ދަށު ކޯޓުގައި ބެލިއިރު، ނުބެލި ހުރި ކަންތައްތަކެއް ހުރިކަމަށް ފާހަގަކުރެވިގެން އެ މައްސަލަ އަލުން ބެލުމުގެ މަޞްލަޙަތު ބޮޑުކަމަށް ފެނިއްޖެނަމަ، ދަށު ކޯޓުގައި އެ މައްސަލަ ބަލަންޖެހޭ ޤާނޫނީ އުޞޫލުތައް ކަނޑައަޅައި، އެ މައްސަލަ ބެލުމަށްޓަކައި، އެ މައްސަލަ ބެލި ދަށު ކޯޓަށް ފޮނުވިދާނެއެވެ.
ދައުލަތުން ހަވާލާދީފައިވާ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު ގެ 33 ވަނަ މާއްދާއަކީ ހައިކޯޓުގައި މައްސަލަ ހިންގުމުގެ އުޞޫލުތައް ކަނޑައަޅާ މާއްދާއެވެ. މި މާއްދާގެ (ރ) ގައި ބުނަނީ:
(ރ) އިސްތިއުނާފު ކުރިއިރު ހުށަހެޅި ނުކުތާތައް ފިޔަވައި، އިސްތިއުނާފުކުރުމަށް ހުށަހެޅިފައިވާ މައްސަލައިގައި އާ ހުށަހެޅުންތަކެއް ހުށަހެޅި ކަމުގައިވީނަމަވެސް، އެ މައްސަލަ ހައިކޯޓުން ބެލުމުގައި އެ ނުކުތާތައް ބަލައިނުދެވޭނެކަމަށް ހައިކޯޓުގެ އިސްނެގުމުގައި ކަނޑައަޅަންވާނެއެވެ.
ކޯޓަށް ހުށަހެޅޭ ކޮންމެ މައްސަލައެއްގައިމެ، ފައިސަލާކުރަނިވި ޙުކުމެއް ކޯޓުން ކުރާނީ އެ މައްސަލައަކާ ގުޅިގެން ހުށަހެޅުނު ހެއްކާއި ޤަރީނާއާއި ވަށައިގެންވާ އެންމެހައި ކަންކަމުގެ މައްޗަށް ބެލުމަށްފަހުގައެވެ. މިގޮތުން މައްސަލައިގައި ހިމެނޭ ޚަޞްމުންގެ ފަރާތުން ފާހަގަކުރަން ބޭނުންވާ ނުކުތާތައް ފާހަގަކޮށް ނަގަން ބޭނުންވާ ދިފާޢުތައް ނަގައި އެކަންކަމުގެ މައްޗަށް ބަހުސްކުރުމުގެ ފުރުޞަތުދީ މައްސަލައިގެ ވާޤިޢާތައް ކަނޑައަޅައެވެ.
ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 32 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ، އިސްތިއުނާފަށް އެދި ހުށަހެޅޭ މައްސަލަތަކުގައި އިސްތިއުނާފު ކުރެވުނު ކޯޓުން (ހައިކޯޓުން) މައްސަލަ ބަލާނީ ފުރަތަމަ މަރުޙަލާގެ ކޯޓަށް ހުށަހެޅުނު ހެކިތަކާއި ދިފާޢުތަކަކީ އަސާސްކަމުގައި ބަލައިގެންކަމަށާއި، އަދި ހައިކޯޓަށް އަލަށް ހުށަހެޅޭނީ ދަށު ކޯޓަށް ހުށަހެޅުމުގެ ފުރުސަތު ލިބިފައިނުވާ ހެކިތައް ކަމަށެވެ. އިސްވެބުނެވުނު މާއްދާގެ ޞީޣާއަށް ބަލާއިރު، ދަށު މަރުޙަލާގެ ކޯޓުން ބަލައި ފައިޞަލާކޮށްފައިވާ މައްސަލައެއް އިސްތިއުނާފުކޮށްގެން ހިނގަމުންދާއިރު އެ މައްސަލައާގުޅޭ އައު ހެކި ހުށަހަޅައި އެއާމެދު ބަހުސްކޮށް ގޮތް ކަނޑައެޅުމަކީ އިސްތިސްނާ ޙާލަތެއްގައި މެނުވީ އިސްތިއުނާފީ މަރުޙަލާގައި (ހައިކޯޓުގައި) ދެވޭނެ ފުރުޞަތެއް ނޫންކަން އެނގެއެވެ.
ދައުލަތުގެ ފަރާތުން ޙަވަލާދޭ މާލޭ ހައިގެ ނަންބަރު 2013/02-MH (22 މޭ 2013) ސިޓީއަކީ މި މައްސަލައިގެ ފުރަތަމަ މަރުޙަލާގެ ޝަރީޢަތަށް ހެއްކެއްގެ ގޮތުގައި ސިވިލް ކޯޓަށް ހުށަހެޅިފައިވާ ލިޔުމުކެވެ. ސިވިލް ކޯޓުގެ ނަންބަރު 1959/Cv-C/2016 ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓުގައި މި ސިޓީ ހިމަނާފައިވެއެވެ.
ހައިކޯޓުގައި މި މައްސަލަ އިސްތިއުނާފު ކުރިއިރު މާލޭ ހައިއިން ފާހަގަކުރި އެއްކަމަކީ މާލޭ ހައިއިން ހުށަހެޅި ހެކިތަކަށް އެ ކޯޓުން ރިޢާޔަތްކޮށްފައި ނުވާކަމެވެ. މާލޭ ހައިއިން ހެއްކެއްގެ ގޮތުގައި ހުށަހެޅި އެ ކުންފުނީގެ ނަންބަރު 2013/02-MH (22 މޭ 2013) ސިޓީއަށް ހައިކޯޓުން ރިޢާޔަތްކޮށް މާލޭ ހައިގެ ދަޢުވާ ޞައްހަތޯ ނުވަތަ ނޫންތޯ ބެލުމުގައި ހައިކޯޓުން އެ ސިޓީ ވަޒަންކޮށް އެ ސިޓީއާ މެދު ހައިކޯޓުން ގޮތެއް ކަނޑައެޅުމަކީ މައްސަލައިގެ ތެރެއަށް ވާޤިޢާއެއް އިތުރުކުރުމެއްނޫން ކަމުގައި އަހުރެން ދެކެމެވެ.
ދައުލަތުން އިސްތިއުނާފު ކުރި ދެވަނަ ސަބަބު
މި މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމަށް ދައުލަތުން ހުށަހެޅި ސަބަބުތަކުގެ ތެރެއިން ދެވަނަ ސަބަބެއް ކަމުގައި ދައުލަތުން ބުނަނީ މާލޭ ހައިއާއި ދައުލަތާ ދެމެދު ވެފައިވާ ލީސް އެގްރީމަންޓްގެ 10.1 ވަނަ މާއްދާ ހައިކޯޓުން މާނަކޮށް ތަޠުބީޤުކޮށްފައިވަނީ އެއްބަސްވުމުގެ ދަށުން މާލޭ ހައިއިން އަދާކުރަންޖެހޭ އިލްތިޒާމަށް ބެލުމެއްނެތި ކޮންޓްރެކްޓާބެހޭ ޤާނޫނު ގެ 20 ވަނަ މާއްދާއާ ޚިލާފަށް އަދި އެއްބަސްވުންތައް މާނަކުރުމުގައި އެއްބަސްވުމުގެ ޢިބާރާތްތަކުގެ އެމުނި އެކުލެވުމާއި ލަފްޒުތަކަށް ވުރެން އެއްބަސްވުން އެކުލަވާލެވުނު މަޤުޞަދަށް އިސްކަންދޭންވާނެ ކަމުގައި ބަޔާންކުރާ ޝަރުޢީ ޤާއިދާ އާ ޚިލާފަށް އެއްބަސްވުން އެކުލަވާލެވުނު މަޤްޞަދު ޙާޞިލްކުރުމަށް ހުރަސްއެޅޭ ގޮތަށް ކަމަށެވެ.
ހައިކޯޓުގެ ނަންބަރު 2018/HC-A/99 ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓްގެ ފާހަގަކުރެވުނު ނުކުތާތަކުގެ ނަންބަރު 3 ގެ (ރ) އަދި (ބ) ގައި ތަފްޞީލުކޮށް ލީސް އެގްރީމަންޓްގެ 10.1 ވަނަ މާއްދާއަށް ރިޢާޔަތްކޮށްފައިވާކަން އެނގެއެވެ. އަދި ލީސް އެގްރީމަންޓް އެކުލަވާލި މަޤްޞަދަށާއި ލީސް އެގްރީމަންޓްގެ 10.1 ވަނަ މާއްދާ މާނަކުރުމުން ނުކުންނަ ނަތީޖާއަށް ބަލާފައިވާކަމަށް އަހުރެން ދެކެމެވެ.
ދައުލަތުން އިސްތިއުނާފު ކުރި ތިންވަނަ ސަބަބު
މި މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމަށް ދައުލަތުން ހުށަހެޅި ސަބަބުތަކުގެ ތެރެއިން ތިންވަނަ ސަބަބަކީ މާލޭ ހައިއަށް އެޑިއުކޭޝަނުން 24 ފެބުރުވަރީ 2010 ގައި ހަދާދީފައިވާ ކިޔަވައިދޭ ތަންތާގެ ރަޖިސްޓްރީގައިވާ މަޢުލޫމާތަކީ ޞައްޙަނޫން މަޢުލޫމާތެއްކަމަށް ދައުލަތުން ސާބިތުކޮށްދޭންޖެހޭނެކަމުގައި ބަޔާންކޮށް އެ ރަޖިސްޓްރީއަކީ ސްކޫލް ހިންގަން ފަށާފައިވާކަން ދަލީލުކޮށްދޭ ލިޔުމެއްކަމުގައި ހައިކޯޓުން ކަނޑައެޅުމުގައި އެ ލިޔުން ނުވަތަ ހެކީގެ މައްޗަށް ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު ގެ 5 ވަނަ މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރު ތަޠުބީޤުކޮށްފައިވަނީ ރަނގަޅަށް ނޫންކަމަށް ބުނެ ހުށަހެޅި ސަބަބެވެ.
ދައުލަތުން ހަވާލާދީފައިވާ ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު ގެ 5 ވަނަ މާއްދާއަކީ ފަނޑިޔާރުންގެ ނިންމުންތަކާއި، ޙުކުމްތަކާއި، އަމުރުތަކުގެ އަސްލު ކަނޑައަޅާފައިވާ މާއްދާއެވެ.
ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު ގެ 5 ވަނަ މާއްދާގައި ބުނަނީ؛
5. (ހ) ފަނޑިޔާރުންގެ ނިންމުންތައް ނިންމުމުގައި ފަނޑިޔާރުން ޢަމަލުކުރާނީ ޤާނޫނުއަސާސީއާއި ޤާނޫނަށެވެ. ޤާނޫނުއަސާސީއާއި ޤާނޫނުގައި ވަކިގޮތަކަށް ކަނޑައަޅާފައިނުވާ ކަންކަން ނިންމުމުގައި އިސްލާމީ ޝަރީޢަތުގައި އެކަމެއް ކަނޑައަޅާފައިވާ ގޮތަށް ފަނޑިޔާރުން ރިޢާޔަތްކުރަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން، ފަނޑިޔާރުކަމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި އަންނަނިވި ކަންކަމަށް ފަނޑިޔާރުން ރިޢާޔަތްކުރަން ވާނެއެވެ.
(1) މައްސަލައިގައި ހުށަހެޅިފައިވާ ހެއްކާއި ޤަރީނާ.
(2) މައްސަލައާ އެއްފަދަ އެހެން މައްސަލަތަކުގައި އެ ކޯޓުން ކުރިން ކޮށްފައިވާ ޙުކުމް ނުވަތަ އެ ކޯޓަށްވުރެ މަތީ ކޯޓަކުން ކޮށްފައިވާ ޙުކުމް.
(3) ވަކި ފަރާތަކަށް ނުޖެހުމާއި، ވަކި ފަރާތެއްގެ ނުފޫޒަށް ނުލެނބުމާއި، ވަކި ފަރާތަކުން ދައްކާފާނެ ބިރަކަށް ޖެހިލުންނުވުމާއި ތަޢައްޞުބުން އެއްކިބާވުން.
24 ފެބުރުވަރީ 2010 ގައި މިނިސްޓްރީ އޮފް އެޑިއުކޭޝަނުން މާލޭ ހައިއަށް ހަދައިދީފައިވާ "ކިޔަވައިދޭ ތަންތާގެ ރަޖިސްޓަރީ" އަކީ އެމް.އީ.އެސް އިންޓަރނޭޝަނަލް ޕްރައިވެޓް ލިބިޓެޑްގެ މަސްއޫލުވެރިކަމުގެ ދަށުން 22 އޮކްޓޫބަރު 2009 ގައި ރަޖިސްޓަރީ ކުރެވިގެން ހިންގަމުން އައި މާލޭ ހައި އެމް.އީ.އެސް އިންޓަރނޭޝަނަލް ސްކޫލްގެ މަސްއޫލުވެރިކަން މާލޭ ހައިއަށް ބަދަލުކުރުމާ ގުޅިގެން ހަދައިދީފައިވާ ރަޖިސްޓަރީއެއްކަމަށް އެ ރަޖިސްޓަރީގައި ބަޔާންކޮށްފައިވެއެވެ. އެޑިއުކޭޝަނުން މާލޭ ހައިއަށް ހަދައިދީފައިވާ ރަޖިސްޓަރީގައި އެތަނުގައި އިންޓަރނޭޝަނަލް ސްކޫލެއް ރަޖިސްޓްރީ ކުރެވިގެން ހިންގަމުން އައިކަމަށް ބަޔާންކޮށްފައިވެއެވެ. މާލޭހައި އެމް.އީ.އެސް އިންޓަރނޭޝަނަލް ސްކޫލް ރަޖިސްޓަރީކުރި ތާރީޚުގެ އިތުރުން އެ ސްކޫލް ހިންގަން ފެށި ތާރީޚު ވެސް ލިޔެފައިވެއެވެ. މި ގޮތުން އެލިޔުމުގައި 22 އޮކްޓޫބަރު 2009 އަކީ 'ފެށި ސާބިތު ތާރީޚު' ކަމަށް ލިޔެފައިވެއެވެ.
މާލޭ ހައި އެމް.އީ.އެސް އިންޓަރނޭޝަނަލް ސްކޫލްގެ ނަމުގައި މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ހަދައިދީފައިވާ "ކިޔަވައިދޭ ތަންތާގެ ރަޖިސްޓަރީ" ގައި އިތުރު ބަޔާނެއްގެ ގޮތުގައި ލިޔެފައިވަނީ:
"މިއީ 28 ޑިސެމްބަރ 2008 ގައި މާލޭ ހައި އިންޓަރނޭޝަނަލް ސްކޫލުގެ މަސްއޫލުވެރިން (އިމް.އީ.އެސް. އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑްގެ ހިއްޞާދާރުން) ނާއި މިނިސްޓްރީ އޮފް އެޑިއުކޭޝަނާއި ދެމެދު ވެފައިވާ އެއްބަސް ވުމުގެ ދަށުން މާލޭ އިންގްލިޝް ސްކޫލް ކުރިން ހިންގަމުންދިޔަ އިމާރާތުގައި އިންޓަރނޭޝަނަލް ސްކޫލެއް ހިންގުމަށް ދެވިފައިވާ ހުއްދައިގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ސްކޫލެކެވެ.
މި ރަޖިސްޓްރީއަކީ، އެމް.އީ.އެސް. އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑް ގެ މަސްޢޫލުވެރިކަމުގެ ދަށުން 22 އޮކްޓޯބަރ 2009 ގައި ރަޖިސްޓްރީ ކުރެވިގެން ހިންގަމުން އައި މާލޭ ހައި އެމް.އީ.އެސް. އިންޓަރނޭޝަނަލް ސްކޫލްގެ މަސްޢޫލުވެރިކަން މާލޭ ހައި ޕްރައިވެޓް ލިމިޓެޑް އަށް ބަދަލުކުރުމާއި ގުޅިގެން 24 ފެބްރުއަރީ 2010 ގައި ހަދާދެވިފައިވާ ރަޖިސްޓްރީ އެކެވެ." (ފާހަގަ ކުރުމުގެ ބޭނުމުގައި ތިރީގައި ރޮނގުބުރިއެއް ދަމާފަ) މިގޮތަށެވެ.
މިނިސްޓްރީ އޮފް އެޑިއުކޭޝަނުން މާލޭ ހައި ޕްރައިވެޓް ލިމިޓެޑަށް ހަދައިދީފައިވާ "ކިޔަވައިދޭ ތަންތާގެ ރަޖިސްޓަރީ" އަކީ އެތަން ކިޔަވައިދޭ ތަނެއްގެ ގޮތުގައި ރަޖިސްޓަރީ ކުރެވިފައިވާކަން ކަށަވަރުކަމާއި ޔަޤީން ކަމާއެކު ހާމަކޮށްދޭ ލިޔުމެކެވެ. މި ރަޖިސްޓަރީއަކީ ޙަޤީޤަތާ ޚިލާފު ދޮގު (ފޯރޖް) ލިޔުމެއްކަން ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެމަތިން ސާބިތުނުވާހާ ހިނދަކު އޭގެ ޙުއްޖިއްޔަތު ނެތިގެނެއްނުދާނެއެވެ. ދައުލަތުގެ ކަމާބެހޭ އިދާރާ (މިނިސްޓްރީ އޮފް އެޑިއުކޭޝަން) އިން މާލޭ ހައި އެމް.އީ.އެސް. އިންޓަރނޭޝަނަލް ސްކޫލް ރަޖިސްޓްރީކޮށް އެ އިދާރާއިން އެކަން ކަށަވަރުކޮށްދިނުމުގެގޮތުން ދޫކުރި ރަސްމީ ރަޖިސްޓަރީގެ ލިޔުމަކީ، އޭގެ މައްޗަށް ބިނާކޮށް ޝަރީޢަތުން ކަންކަން ސާބިތުކުރުމުގެ ބާރު ލިބިދޭ ވަސީލަތްތަކުގެ ތެރޭގައި ހިމެނޭނެ ވަސީލަތެކެވެ.
ކޮންޓްރެކްޓެއްގެ ބައިވެރިއަކު އެ ކޮންޓްރެކްޓްގެ އަނެއްބައިވެރިއަކު ނުވަތަ ބައިވެރިން، އެ ކޮންޓްރެކްޓާ ޚިލާފުވެފައިވާ ކަމަށް ބުނާނަމަ، އެ ޚިލާފުވި ޚިލާފުވުން ނުވަތަ އެ ދަޢުވާ ޝަރީޢަތަށް ސާބިތުކޮށް ދިނުމުގެ ބުރަ އޮންނާނީ އެ ޚިލާފުވިކަމަށް ބުނާ ނުވަތަ އެ ދަޢުވާއެއް ކުރި ފަރާތަކަށެވެ. މަދަނީ މައްސަލަތަކުގައި ކަމެއް ސާބިތުކޮށްދޭންޖެހޭނީ ބޮޑަށް ބުރަވެވޭ މިންގަނޑުން ނުވަތަ "ބެލަންސް އޮފް ޕްރޮބެބިލިޓީ" އިން ނެވެ. އެއީ އެކަމެއް ހިނގިކަން ނުވަތަ އެކަމެއްވީ އެގޮތަކަށްކަން ނުވަތަ އެކަމެއް އޮތީ އެގޮތަކަށްކަން މައްސަލަ ބަލާ ފަނޑިޔާރަށް ބޮޑަށް ޤަބޫލުކުރެވޭ ނުވަތަ ބޮޑަށް ބުރެވެވޭ މިންވަރަށް ސާބިތުކޮށްދިނުމުގެ މައްޗަށެވެ. އެކަމެއް ހިނގާފައިވުމާއި ނުވުން އެއްވަރުނަމަ ނުވަތަ ކަމެއް ހިނގައިފައިވުމަށްވުރެ ނުހިނގާ ކަމަށް މައްސަލަ ބަލާ ފަނޑިޔާރަށް ޤަބޫލު ކުރެވޭނަމަ ނުވަތަ ބުރަ ވޭވޭނަމަ އެ ކަމެއް ސާބިތު ނުވާކަމަށް އެ މައްސަލައެއް ބަލާ ފަނޑިޔާރު ބަލަންޖެހޭނެއެވެ.
ލީސް އެގްރީމެންޓުގައި ބަޔާންކުރާގޮތަށް އިންޓަރނޭޝަނަލް ސްކޫލެއް ނުހިންގާކަމަށް ބުނެ އެއްބަސްވުން ބާތިލު ކުރެވޭ ޙާލަތެއްގައި ދައުލަތަށް އެކަމުގެ ސަބަބުން ލިބިދާނެ ގެއްލުން ކުޑަކުރުމަށްޓަކައި އަޅާފައިވާ ފިޔަވަޅުތަކެއް ހުންނަންޖެހޭނޭކަމަށް ދެކެމެވެ. މިކަމަށް ބަލާއިރު، އިންޓަރނޭޝަނަލް ސްކޫލެއް ހިންގަން ޙަވާލު ކުރެވުނީ 2008 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 28 ވަނަ ދުވަހު ކަމަށްވެފައި، ދައުލަތުން އެއްބަސްވުން ބާތިލު ކުރީ އޭގެ 6 (ހައެއް) އަހަރަށް ފަހު 2015 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 25 ވަނަ ދުވަހުގައެވެ. އެއްބަސްވުން ބާތިލުކުރުމުގެ ކުރިން އެފަދަ އިންޓަރނޭޝަނަލް ސްކޫލެއް ނުހިންގާކަމަށް ދެކިގެން ދައުލަތުން އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާނޭކަމަށް، ދައުލަތުގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ބުނެފައިވާތީވެ، ދައުލަތަށް ލިބޭ ގެއްލުން ކުޑަކުރުމަށް އެކަށީގެންވާގޮތެއްގައި މަސައްކަތް ކޮށްފައި ނުވާކަމަށް ދެކެމެވެ.
އިންޓަރނޭޝަނަލް ސްކޫލެއް ނުހިންގާކަމަށް ބުނެ، އެއްބަސްވުން ބާތިލު ކުރާއިރު، އެފަދަ ސްކޫލެއް ހިންގުމަށް އެންމެ ފަހިގޮތަކަށް ނޯންނަ ފަދަ ގޮތަކަށް ދައުލަތުގެ އެދުމުގެ މަތިން އެތަނުގައި ސަރުކާރުގެ އެހެން ސްކޫލެއް ހިންގުމަށްޓަކައި 06 އެޕްރީލް 2010 ވަނަ ދުވަހު އެޑިއުކޭޝަނާއި މަންދު ކޮލެޖް (މާލޭ ހައި) އާއި އަލްމަދަރުސަތުލް ޢަރަބިއްޔަތުން އިސްލާމިއްޔާއާ ދެމެދު ވެވުނު އިތުރު އެއްބަސްވުމެއް ("އަރަބިއްޔާ އެއްބަސްވުން") ގެ ދަށުން އެ ޢިމާރަތް އަލްމަދަރުސަތުލް ޢަރަބިއްޔަތުން އިސްލާމިއްޔާއިން ވަގުތީގޮތުން ބޭނުން ކުރުމަށް ދެވިފައިވެއެވެ. އިސްވެ ދެންނެވުނު އެއްބަސްވުމުގެ 24 ވަނަ މާއްދާގައި ޢަރަބިއްޔާ ހިންގުމަށްޓަކައި އެ ޢިމާރަތް ބޭނުންކުރުމުގެ ސަބަބުން އިސްތިއުނާފު ރައްދުވާފަރާތަށް ހުރަސްތަކެއް ކުރިމަތިވާނެތީވެ، ޢަރަބިއްޔާއިން މި ޢިމާރާތުގެ ބޭނުންކުރާ މުއްދަތު، ލީސް އެގްރީމެންޓަށް އިތުރުކުރެވޭނެކަމަށް ބަޔާންކޮށްފައިވެއެވެ. ކަން މިހެން އޮތްއިރު، 15 (ފަނަރަ) ދުވަހުގެ ނޯޓިސްއެއްދީ އެޑީއުކޭޝަންގެ އަމިއްލަ އިސްނެގުމަށް ލީސް އެގްރީމެންޓް ބާތިލުކުރުމުގައި ދައުލަތުގެ ހެޔޮ ނިޔަތް އޮތްކަމަކަށް އަހުރެންނަށް ބުރައެއް ނުވެވެއެވެ.
ދައުލަތުން ހުށަހެޅި ތިން އިސްތިއުނާފީ ސަބަބު، ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެ މަތިން ދައުލަތަށް ސާބިތުކޮށްދެވިފައެއް ނުވެއެވެ. އެހެންކަމުން، ހައިކޯޓުގެ ނަންބަރު 2018/HC-A/99 ޤަޟިއްޔާ އެ ކޯޓުން ނިންމާފައިވަނީ ރަނގަޅަށް ކަމުގައި އަހުރެން ދެކެމެވެ.
ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންގެ ރައުޔުމި މައްސަލައިގައި އުއްތަމަ ފަނޑިޔާރު އަޙްމަދު މުޢުތަޞިމް ޢަދުނާންގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްގެ ރައުޔު
މި މައްސަލައިގައި އުއްތަމަ ފަނޑިޔާރު އަޙްމަދު މުޢުތަޞިމް ޢަދުނާންގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ޙުކުމް
ދެންފަހެ، އިސްވެ ބަޔާންވެދިޔަ ސަބަބުތައް އެގޮތުގެމަތިން ހުރުމުން، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2018/HC-A/99 ޤަޟިއްޔާގައި ދިވެހިރާއްޖޭގެ ހައިކޯޓުން ކޮށްފައިވާ ޙުކުމަށް ބަދަލުގެންނަންޖެހޭ ޤާނޫނީ ސަބަބެއް ނެތްކަމަށް މި މައްސަލަ ބެލި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައިފީމެވެ.
މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ:
ޢަލީ ރަޝީދު ޙުސައިންއަޙްމަދު މުޢުތަޞިމް ޢަދުނާންމުޙައްމަދު އިބްރާހީމް(ރިޔާސަތު)
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.