ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އިބްރާހީމް ފުއާދު
ޚުލާޞާ
- ކޯޓަށް އައި ގޮތް
- ކްރިމިނަލް ކޯޓުން (459/Cr-C/2018) ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 120 ވަނަ މާއްދާގެ (ނ) ގެ ދަށުން ދަޢުވާ ފޯމު ބާޠިލުކުރިއެވެ. ހައިކޯޓުގެ ރަޖިސްޓްރާރ މައްސަލަ ބަލައިނުގަތުމުން، ހައިކޯޓުގެ ފަނޑިޔާރުން (HC-IH/2019/71) ނިންމީ ޚުލާޞާ ރިޕޯޓު އިސްތިއުނާފީ މުއްދަތުގެ ކުރިން ލިބިފައިވާތީ ހުއްދަ ނުދެވޭނެ ކަމަށެވެ.
- ވާޤިޢާ
- މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާއެއް ހޯދައިދިނުމުގެ ދަޢުވާ ކްރިމިނަލް ކޯޓުން ބާޠިލުކުރުމަށްފަހު، ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓު ލިބުމުން އިސްތިއުނާފުކުރުމުގެ ހުއްދައަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ހައިކޯޓުގައި އެދުނެވެ. ރިޕޯޓު ދޫކުރީ ދަޢުވާ ފޯމު ބާޠިލުކުރި ދުވަހުން 204 ދުވަސް ފަހުންނެވެ.
- ކޯޓުން ނިންމަން ޖެހުނު ސުވާލު
- ކްރިމިނަލް ކޯޓުން ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓު ލަސްކޮށް ދޫކުރުމުން އިސްތިއުނާފީ މުއްދަތު ފާއިތުވުމަކީ ހައިކޯޓުގެ ގަވާއިދުގެ 29 ވަނަ މާއްދާގެ (ނ) ގެ ދަށުން އިސްތިއުނާފުކުރުމުގެ ހުއްދަ ދޭންޖެހޭ މަޤުބޫލު ސަބަބެއްތޯ.
- ޚަޞްމުންގެ ހުށަހެޅުންތައް
- ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ބުނީ ތަފުސީލީ ސަބަބުތައް އެނގިގެން މެނުވީ އިސްތިއުނާފު ނުކުތާތައް ބިނާކުރެވޭނެ މައްސަލައެއް ނޫންކަމަށާއި ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓު ލަސްވީ ކްރިމިނަލް ކޯޓުން ކަމަށެވެ.
- ކޯޓުގެ ސަބަބުތައް
- ލިޔުންތައް ގިނަ މި މައްސަލައިގައި ޚުލާޞާ ރިޕޯޓުގެ މައްޗަށް އިސްތިއުނާފުކުރުމަކީ ގޮންޖެހުންތަކެއް ކުރިމަތިވާނެ ކަމެކެވެ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން މުއްދަތުގެ ކުރިން ކުރެވެން ހުރި ކަންކަން ކޮށް، ރިޕޯޓު ލަސްވީ އެ އޮފީހުގެ ބާރު ނުފޯރާ ސަބަބަކުން ކަމުން، އެއީ ހައިކޯޓުގެ ގަވާއިދުގެ 29 ވަނަ މާއްދާގެ (ނ) ގެ ދަށުން މަޤުބޫލު ސަބަބެކެވެ.
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- HC-IH/2019/71
- ފަހުގެ ތާރީޚު
- —
ނިންމުން
ދަށުކޯޓުގެ ނިންމުން ބާޠިލުހައިކޯޓުގެ ފަނޑިޔާރުންގެ ނިންމުން ބާޠިލުކޮށް، 10 ދުވަހުގެ ތެރޭގައި އިސްތިއުނާފުކުރުމުގެ ހުއްދަ ދީފި
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
ލިޔުންތައް ގިނަ މައްސަލައެއްގައި، ހަމައެކަނި މައްސަލަ ނިންމުމަށްފަހު ދޫކުރާ ޚުލާޞާ ރިޕޯޓުގެ މައްޗަށް ބިނާކޮށް އިސްތިއުނާފީ ނުކުތާތައް ބިނާކޮށް، އިސްތިއުނާފީ އަޑުއެހުންތައް ކުރިއަށް ގެންދިއުމަކީ ގިނަ ގޮންޖެހުންތަކެއް ކުރިމަތިވާނެ ކަމެކެވެ؛ ސަބަބަކީ، ޢާންމު ގޮތެއްގައި މައްސަލައިގެ ޚުލާޞާ ރިޕޯޓަކީ، ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓާ ޚިލާފަށް އަޑުއެހުންތަކުގައި ޚަޞްމުން ދައްކާ ވާހަކަތަކުގެ މަޙްޟަރު ބަޔާންތަކާއި ހުށަހަޅާ އެހެނިހެން ލިޔުންތައް ހިމެނޭ ރިޕޯޓަކަށް ނުވުމެވެ.
އިސްތިއުނާފީ މުއްދަތު ހަމަވުމުގެ ކުރިން، އިސްތިއުނާފު ކުރުމުގައި ކުރިމަތިވެދާނެ ކަންކަން އަންދާޒާކޮށް، އެކަންކަން މެދުވެރިވިޔަ ނުދިނުމަށް ނުވަތަ ޙައްލުކުރުމަށް ކުރެވެން ހުރި ކަންކަން ކޮށްފައިވާއިރު، ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓު ދަށު ކޯޓުން ލަސްވެފައިވަނީ އިސްތިއުނާފުކުރާ ފަރާތުގެ އަމިއްލަ ބާރު ފޯރާފަދަ ކަމެއް މެދުވެރިވެގެން ނޫންނަމަ، އެއީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ގަވާއިދުގެ 29 ވަނަ މާއްދާގެ (ނ) ގައި ބަޔާންކުރާ ފަދަ އަމިއްލަ ބާރު ނުފޯރާ، މަޤުބޫލު ސަބަބެކެވެ.
ދަށު ކޯޓުގެ ނިންމުން އެ މައްޗަށް ކަނޑައެޅިގެން ދިޔަ ތަފުސީލީ ސަބަބުތައް އެނގިގެން މެނުވީ އިސްތިއުނާފު ނުކުތާތައް ބިނާކުރަންވީ ގޮތް ދެނެގަނެވިދާނެ މައްސަލައެއް ނޫންކަމަށް ހުށަހަޅާ ސަބަބަކީ، މައްސަލައިގެ ހާދިސާއާއި ތަޙްޤީޤު ކުރެވިފައިވާ ގޮތާއި ލިޔެކިޔުންތަކަށް ބަލާއިރު، މަޤުބޫލު ސަބަބެއްކަމުގައި ފެނިއްޖެނަމަ، އެއީ ހައިކޯޓުގެ ގަވާއިދުގެ 29 ވަނަ މާއްދާގެ (ނ) ގެ ދަށުން އިސްތިއުނާފަށް ހުށަހެޅުމުގެ ހުއްދަ ދޭންޖެހޭ މައްސަލައެކެވެ.
ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް
- ދިވެހިރާއްޖޭގެ ހައިކޯޓުގެ ގަވާއިދުގެ 29 ވަނަ މާއްދާގެ (ނ)
- ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 120 ވަނަ މާއްދާގެ (ނ)
- ޤާނޫނު ނަންބަރު 2/2000 (ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނު) ގެ 12 ވަނަ މާއްދާގެ (ހ) (ދަޢުވާ ކުރެވުނު މާއްދާ)
ފަނޑިޔާރުން
- ބެންޗު
- އަޒްމިރާލްދާ ޒާހިރު، މަޙާޒު ޢަލީ ޒާހިރު، ޙުސްނުއްސުޢޫދު
- ޚިލާފު ރައުޔު
- ނެތް
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން […]، އިބްރާހީމް ފުއާދުގެ މައްޗަށް، އެ އޮފީހުގެ ނަންބަރު 344/ކރކ/2018/627 ދަޢުވާ ހުށަހަޅާ ފޯމުން، ޤާނޫނު ނަންބަރު 2000/2 (ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނު) ގެ 12 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ، މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާއެއް ހޯދައިދިނުމުގެ ކުށުގެ ދަޢުވާ އުފުލިއެވެ. މި މައްސަލަ ބަލާފައިވަނީ ކްރިމިނަލް ކޯޓުގެ ނަންބަރު 459/Cr-C/2018 ޤަޟިއްޔާއިންނެވެ.
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން އިބްރާހީމް ފުއާދުގެ މައްޗަށް ކުރި ދަޢުވާއަށް އިބްރާހީމް ފުއާދު އިންކާރުކޮށްފައިވެއެވެ. އަދި އިންކާރު ކުރުމަށްފަހު، ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތަކުގެ ތެރެއިން އޭނާގެ ދިފާޢު ހުށަހަޅާފައިވެއެވެ. މި ދިފާޢުގެ މައްޗަށް ބަލައި މި މައްސަލައަކީ ކުރިއަށް ގެންދެވޭނެ މައްސަލައެއް ނޫންކަމުގައި ކަނޑައަޅައި ކްރިމިނަލް ކޯޓުން މި މައްސަލައިގެ ދަޢުވާ ފޯމު ބާޠިލު ކުރިއެވެ.
ތިރީގައި މިވަނީ ދަޢުވާ ފޯމު ބާޠިލު ކުރިފަހުން މި މައްސަލައިގައި ކަން ހިނގާފައިވާ ގޮތުގެ ޚުލާޞާއެކެވެ.
ދަޢުވާ ފޯމު ބާޠިލުކުރުން (08 ޑިސެމްބަރ 2018)
މި ތާރީޚުގައި ޤާނޫނު ނަންބަރު 2016/12 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 120 ވަނަ މާއްދާގެ (ނ) އާ ޙަވާލާދީ ކްރިމިނަލް ކޯޓުން މި މައްސަލަ އިތުރަށް ކުރިއަށް ގެންދެވޭނެ ތަނެއް ނެތްކަމަށް ކަނޑައަޅައި، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ނަންބަރު 344/ކރކ/2018/627 ދަޢުވާ ފޯމް ބާޠިލު ކޮށްފައިވެއެވެ.
އިސްތިއުނާފު ކުރަން އެދޭކަން ހާމަކުރުން (10 ޑިސެމްބަރު 2018)
މި ދުވަހު 08 ޑިސެމްބަރު 2018 ގައި ކްރިމިނަލް ކޯޓުން ދަޢުވާ ފޯމު ބާޠިލު ކޮށްފައިވާކަމަށާއި، ނަމަވެސް އެ ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓު މި ދުވަހުގެ ނިޔަލަށް ލިބިފައި ނުވާތީއާއި މައްސަލައިގެ ބާވަތުން ދަށު ކޯޓުގެ ޙުކުމް އެ މައްޗަށް ކަނޑައެޅިގެން ދިޔަ ތަފުސީލީ ސަބަބުތައް އެނގިގެން މެނުވީ އިސްއިތުނާފު ނުކުތާތައް ބިނާކުރަންވީ ގޮތް ދެނެގަނެވިދާނެ ބާވަތުގެ މައްސަލައަކަށްނުވާތީ، ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓު ލިބުމުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޤަވާޢިދުގެ 29 ވަނަ މާއްދާގެ (ނ) ގެ ދަށުން މައްސަލަ އިސްތިއުނާފު ކުރުމުގެ ހުއްދަ ދެއްވުން އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން، އެ އޮފީހުގެ ނަންބަރު 169-A1/95/2018/487 ސިޓީން ދިވެހިރާއްޖޭގެ ހައިކޯޓުގައި އެދިފައިވެއެވެ. މި ތާރީޚުގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ކްރިމިނަލް ކޯޓަށް ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށް އެދޭ ފޯމުވެސް ހުށަހަޅާފައިވެއެވެ.
ޚުލާޞާ ރިޕޯޓު ދޫކުރުން (11 ޑިސެމްބަރ 2018)
މި ދުވަހު ކްރިމިނަލް ކޯޓުން މި މައްސަލައިގެ ޚުލާޞާ ރިޕޯޓު ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ދޫކޮށްފައިވެއެވެ.
ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓު ހޯދުމަށް އެދި ސިޓީ ފޮނުވުން (20 ޖޫން 2019)
10 ޑިސެމްބަރު 2018 ގައި ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓު ހޯދުމަށް އެކަމަށް ޚާއްޞަ ކުރެވިފައިވާ ފޯމު ކްރިމިނަލް ކޯޓަށް ހުށަހެޅި ނަމަވެސް އެ ރިޕޯޓު ލިބިފައިނުވާތީ މި ތާރީޚުގައި މައްސަލައިގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓު ހޯދުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ސިޓީ (196-A1/145/2019/485 ނަންބަރު ސިޓީ) ފޮނުވާފައިވެއެވެ.
ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓު ދޫކުރުން (26 ޖޫން 2019)
26 ޖޫން 2019 ގައި މި މައްސަލައިގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓު ކްރިމިނަލް ކޯޓުން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ދޫކޮށްފައިވެއެވެ. މި ރިޕޯޓު ދޫކޮށްފައިވަނީ ދަޢުވާ ފޯމު ބާޠިލު ކުރި ދުވަހުން ފެށިގެން 204 ދުވަސް ނުވަތަ 06 މަހާއި 22 ދުވަސް ފަހުންނެވެ.
ރަޖިސްޓްރާރގެ ނިންމުން އަލުން ބަލައިދިނުމަށް އެދި ހުށަހެޅުން (07 ޖުލައި 2019)
މައްސަލަ އިސްތިއުނާފު ކުރުމުން މައްސަލަ ބަލައި ނުގަތުމަށް ހައިކޯޓުގެ ރަޖިސްޓްރާރ ނިންމުމުން، އެ ނިންމުން އަލުން ބަލައި ދިނުމަށް އެދި ހައިކޯޓުގެ ފަނޑިޔާރުންނަށް މި ތާރީޚުގައި ހުށަހަޅާފައިވެއެވެ. ހައިކޯޓުގެ ރަޖިސްޓްރާރގެ ނިންމުން އަލުން ބަލައި ދިނުމުގެ ހުއްދައަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން، ކްރިމިނަލް ކޯޓުގެ ނަންބަރު 459/Cr-C/2018 ޤަޟިއްޔާ 04 ޑިސެމްބަރ 2018 ގައި ނިމި 11 ޑިސެމްބަރު 2018 ގައި އެ ޤަޟިއްޔާގެ ޚުލާޞާ ރިޕޯޓު ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ދޫކޮށްފައިވާކަން އެނގެން އޮންނައިރު، އެއީ އިސްތިއުނާފީ މުއްދަތު ހަމަވުމުގެ ކުރީގެ ތާރީޚަކަށްވެފައި އެ މުއްދަތުގައި އިސްތިއުނާފު ކޮށްފައި ނުވާތީ އިސްތިއުނާފު ކުރުމުގެ ހުއްދަ ދެވެން ނެތްކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުން ނިންމަވާފައިވެއެވެ.
މި މައްސަލައިގެ ބާވަތުން ހަމައެކަނި މައްސަލަ ނިންމުމަށްފަހު ދޫކުރާ ޚުލާޞާ ރިޕޯޓުގެ މައްޗަށް ބިނާކޮށް މައްސަލައިގެ އިސްތިއުނާފީ ނުކުތާތައް ބިނާކޮށް، އިސްތިއުނާފީ އަޑުއެހުންތައް ކުރިއަށް ގެންދިއުމަކީ ގިނަ ގޮންޖެހުންތަކެއް ކުރިމަތިވާނެ ކަމެއް ކަމުގައި ފެނެއެވެ. އަދި މިކަންކަމުގެ ތެރޭގައި ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓު ލިބުމުން އިސްތިއުނާފީ ނުކުތާތަކަށް އުނިއިތުރު ގެނައުން ނުވަތަ، އައު ނުކުތާތަކެއް ހިމެނުން، ނުވަތަ ނުކުތާތަކެއް އުނިކުރުމުގެ އިތުރަށް އިސްތިއުނާފު ނުކުރަން ނިންމުމުގެ އިހުތިމާލު ކުރިމަތިވުންވެސް ހިމެނެއެވެ. ސަބަބަކީ، މި މައްސަލައިގެ ބާވަތުން މިއީ ލިޔުންތައް ގިނަ މައްސަލައަކަށްވެފައި، ޢާންމު ގޮތެއްގައި މައްސަލައިގެ ޚުލާޞާ ރިޕޯޓަކީ، ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓާ ޚިލާފަށް އަޑުއެހުންތަކުގައި މައްސަލައިގެ ޚަޞްމުން ދައްކާ ވާހަކަތަކުގެ މަޙްޟަރު ބަޔާންތަކާއި، ހުށަހަޅާ އެހެނިހެން ލިޔުންތައް ހިމެނޭ ރިޕޯޓަކަށް ނުވުމެވެ. އަދި މިފަދަ ލިޔުންތަކަކީ، މައްސަލައިގައި އެހައިތަނަށް ޝަރީޢަތުން ނިންމާ ނިންމުންތަކުގައި މުހިންމު ދައުރެއް އަދާކުރާނެ ލިޔުންތަކެކެވެ.
އަދި މި މައްސަލައިގެ ޚުލާޞާ ރިޕޯޓުގެ މައްޗަށް ބިނާކޮށް އިސްތިއުނާފު ފޯމު ބަލައިގަތް ނަމަވެސް، ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓު 06 މަހާއި 22 ދުވަސްފަހުން ލިބިފައިވުމުން، މި މުއްދަތުގެ ތެރޭގައި އެ ރިޕޯޓާ ނުލައި އިސްތިއުނާފީ އަޑުއެހުންތައް ފަށައި، އިސްތިއުނާފީ ނުކުތާތަކާމެދު ދިވެހިރާއްޖޭގެ ހައިކޯޓުން ގޮތެއް ކަނޑައެޅުމުގައި ދަތިތައް ކުރިމަތިވާނެ ކަމަށް ގަބޫލުކުރެވެއެވެ.
މި މައްސަލައިގެ އިސްތިއުނާފީ މުއްދަތު ހަމަވުމުގެ ކުރިން، މައްސަލަ އިސްތިއުނާފު ކުރުމުގައި ކުރިމަތިވެދާނެ ކަންކަން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް އަންދާޒާ ކުރެވިފައިވާކަން އެނގެއެވެ. އަދި މިކަންކަން މެދުވެރިވިޔަ ނުދިނުމަށް، ނުވަތަ މި ކަންކަން ޙައްލު ކުރުމަށް އެ އޮފީހަށް ކުރެވެން ހުރި ކަންކަން ކޮށްފައިވާކަން އެނގެއެވެ. އަދި ކްރިމިނަލް ކޯޓުން މި ރިޕޯޓު ލަސްވެފައިވަނީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ އަމިއްލަ ބާރު ފޯރާފަދަ ކަމެއް މެދުވެރިވެގެން ނޫންކަންވެސް އެނގެއެވެ.
މީގެ އިތުރުން މި މައްސަލައަކީ މައްސަލައިގެ ހާދިސާއާއި، މައްސަލައިގެ ތަޙްޤީޤު ކުރެވިފައިވާ ގޮތާއި، މައްސަލައިގެ ލިޔެކިޔުންތަކަށް ބަލާއިރު، މި މައްސަލައިގައި ކްރިމިނަލް ކޯޓުގެ ނިންމުން އެ މައްޗަށް ކަނޑައެޅިގެން ދިޔަ ތަފުސީލީ ސަބަބުތައް އެނގިގެން މެނުވީ އިސްއިތުނާފު ނުކުތާތައް ބިނާކުރަންވީ ގޮތް ދެނެގަނެވިދާނެ މައްސަލައެއް ނޫންކަމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ހުށަހަޅާ ސަބަބަކީ މަޤުބޫލު ސަބަބެއްކަމުގައި ފެނެއެވެ. ވުމާއެކު، މި މައްސަލައަކީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ގަވާއިދުގެ 29 ވަނަ މާއްދާގެ (ނ) ގެ ދަށުން އިސްތިއުނާފަށް ހުށަހެޅުމުގެ ހުއްދަ ދޭންޖެހޭ މައްސަލައެއްކަމަށް ފެނެއެވެ.
ނިންމުން
އިސްވެ ފާހަގަކުރެވުނު ސަބަބުތައް އެގޮތަށް ހުރުމާއެކު، ކްރިމިނަލް ކޯޓުގެ ނަންބަރު 459/Cr-C/2018 ޤަޟިއްޔާ އިސްތިއުނާފު ކުރުމުގެ މުއްދަތު ފާއިތުވިފަހުން އިސްތިއުނާފު ކުރުމަށް ދިވެހިރާއްޖޭގެ ހައިކޯޓަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ހުށަހަޅާފައި ނުވަނީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ގަވާއިދުގެ 29 ވަނަ މާއްދާގެ (ނ) ގައި ބަޔާންކުރާ ފަދަ އަމިއްލަ ބާރު ނުފޯރާ، މަޤުބޫލު ސަބަބެއް މެދުވެރިވެގެން ކަމުގައިވާތީ، މި މައްސަލައަކީ އިސްތިއުނާފު ކުރުމަށް ހުށަހެޅުމުގެ ހުއްދަ ދޭންޖެހޭ މައްސަލައެއްކަމަށް ކަނޑައަޅައި، މިއަދުން ފެށިގެން 10 (ދިހައެއް) ދުވަހުގެ ތެރޭގައި އިސްތިއުނާފު ފޯމު ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް އަންގައި، މި މައްސަލަ ނިންމީމެވެ.
ހައިކޯޓުގެ ފަނޑިޔާރުންގެ އިޖުރާއީ ނިންމުން މުރާޖަޢާކުރި ފަނޑިޔާރުންއަޒްމިރާލްދާ ޒާހިރުމަޙާޒު ޢަލީ ޒާހިރުޙުސްނުއްސުޢޫދު21 މުޙައްރަމް 144209 ސެޕްޓެމްބަރ 2020
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.