ދިވެހިރާއްޖޭގެ މަތީ މަރުޙަލާގެ ކޯޓުތަކުން ކަނޑައަޅާފައިވާ ޤާނޫނީ އުޞޫލުތައް

Maldives Legal Precedents

Saeed Lex
[2021] SC 100 · 2020/SC-A/47ސުޕްރީމް ކޯޓު · 8 ނޮވެމްބަރު 2021

ދިވެހި ދައުލަތް (މިނިސްޓްރީ އޮފް ޓުއަރިޒަމް) ވ. ޖޭ.އެޗް ރިޒޯޓްސް ޕްރައިވެޓް ލިމިޓެޑު

ސުޕްރީމް ކޯޓު
ފަހުގެ ޙުކުމެއްގައި ޙަވާލާދީފައެއް ނުފެނޭޙުކުމުގެ ހާލަތު
ސުޕްރީމް ކޯޓު · 8 ނޮވެމްބަރު 2021ބާވަތް: މަދަނީ

ޚުލާޞާ

ޚުލާޞާ ނެތް.

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
—
ފަހުގެ ތާރީޚު
—

ނިންމުން

—

ކޯ ޓާމްސް

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

މި ލިޔުމުން އުޞޫލެއް ނުނެގުނު.

ފަނޑިޔާރުން

ބެންޗު
—
ޚިލާފު ރައުޔު
ނެތް

ޝަރީޢަތުގެ ވީޑިއޯ

ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު

2020/SC-A/47

ޝަރީޢަތް ނިމުނުގޮތް

ދިވެހި ދައުލަތް ވ. ޖޭ.އެޗް ރިޒޯޓްސް ޕްރައިވެޓް ލިމިޓެޑްފަނޑިޔާރުންގެ މަޖިލިސް

ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްނިމުނު ތާރީޚު

08 ނޮވެމްބަރ 2021އިސްތިއުނާފު ކުރެވުނު ޤަޟިއްޔާ

2016/HC-A/195

އިސްތިއުނާފު ރައްދުވާ ފަރާތް

އިސްތިއުނާފުކުރާ ފަރާތް

ޖޭ.އެޗް ރިޒޯޓްސް ޕްރައިވެޓް ލިމިޓެޑް

ދިވެހި ދައުލަތް (މިނިސްޓްރީ އޮފް ޓޫރިޒަމް)

ބަދަލުގައި:

ޤާނޫނީ ވަކީލު:

މުޙައްމަދު އަނީސް، ދަފްތަރު. ނަންބަރު ރސ 4800، މާލެ ކައުންސެލް ޖެނެރަލް ފާޠިމަތު ޙަލީމް

ޤާނޫނީ ވަކީލު:

ސީނިއަރ ސްޓޭޓް ކައުންސެލް ޙައްވާ ސަނާ

އަޙްމަދު މުޢިއްޒު (މުޢިއްޒު އެންޑް ކޯ އެލް.އެލް.ޕީ) ސްޓޭޓް އެޓަރނީ އިބްރާހީމް ޝިނާން އަޙްމަދު

ފާޠިމަތު ޝިފާނާ (މުޢިއްޒު އެންޑް ކޯ އެލް.އެލް.ޕީ) މަދަނީ – އެއްބަސްވުމާމެދު ޚިލާފު އުފެދުން – ޤާނޫނު ނަންބަރު 91/4 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 20 ވަނަ މާއްދާގެ (ހ)، ކޮންޓްރާ ޕްރޮފެރެންޓަމް (contra proferentem) ގެ މަބްދައު .

ދިވެހި ދައުލަތް ވ. ޖޭ.އެޗް ރިޒޯޓްސް ޕްރައިވެޓް ލިމިޓެޑް[2021] SC 100

ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންގެ ރައުޔު (ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު އަދި ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމް ތާއީދު ކުރައްވާފައި)

ތަޢާރުފު

މި މައްސަލައަކީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HC-A/195 ޤަޟިއްޔާ ނިންމާފައި ވަނީ ޤާނޫނާ އެއްގޮތަށް ނޫން ކަމަށް ބުނެ ދިވެހި ދައުލަތް (މިނިސްޓްރީ އޮފް ޓޫރިޒަމް) (މީގެ ފަހުން "އިސްތިއުނާފުކުރާ ފަރާތް" ނުވަތަ "ދައުލަތް" ނުވަތަ "މިނިސްޓްރީ" ނުވަތަ "ކުއްޔަށްދޭ ފަރާތް" ކަމަށް ބުނެފައިވާ) ގެ ފަރާތުން ސުޕްރީމް ކޯޓަށް އިސްތިއުނާފަށް ހުށަހެޅި މައްސަލައެކެވެ. މި މައްސަލައިގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ ޖޭ.އެޗް ރިޒޯޓްސް ޕްރައިވެޓް ލިމިޓެޑް (ކުންފުނި ރަޖިސްޓްރޭޝަން ނަންބަރު: C-425/2006) (މީގެ ފަހުން "އިސްތިއުނާފު ރައްދުވާ ފަރާތް" ނުވަތަ "ޖޭ.އެޗް ރިޒޯޓްސް" ނުވަތަ "ކުއްޔަށްހިފާ ފަރާތް" ކަމަށް ބުނެފައިވާ) އެވެ.

މައްސަލައިގައި ކަންހިނގާފައިވާ ގޮތް

ހދ. ކުޑަމުރައިދޫގައި ޓޫރިސްޓު ރިޒޯޓެއް ތަރައްޤީ ކުރުމަށްޓަކައި، އެ ރަށް ކުއްޔަށް ދޫކުރުމަށް އެއިރުގެ މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަން (މިހާރުގެ މިނިސްޓްރީ އޮފް ޓޫރިޒަމް) (މީގެ ފަހުން "މިނިސްޓްރީ" ކަމަށް ބުނެފައިވާ) އާއި ޖިހާދު އެންޑް ޙުސެއިން ޕްރައިވެޓް ލިމިޓެޑްއާ ދެމެދު ހދ.ކުޑަމުރައިދޫ ކުއްޔަށް ދިނުމުގެ އެއްބަސްވުން (މީގެ ފަހުން "އެއްބަސްވުން" ކަމަށް ބުނެފައިވާ އެއްބަސްވުން) ގައި 25 ޖޫން 2006 ގައި ސޮއިކޮށްފައިވެއެވެ. ޖިހާދު އެންޑް ޙުސެއިން ޕްރައިވެޓް ލިމިޓެޑްގެ ނަން 14 މާރޗް 2010 އިން ފެށިގެން ޖޭ.އެޗް ރިޒޯޓްސް ޕްރައިވެޓް ލިމިޓެޑްއަށް ބަދަލުކޮށްފައި ވެއެވެ.

އެއްބަސްވުމުގައި ސޮއިކުރުމަށްފަހު ތަފާތު އެކި ބަދަލުތައް އެއްބަސްވުމަށް ގެނައުމަށް ދެ ފަރާތުގެ ދެމެދުގައި ޖުމްލަ ހަތަރު އެޑެންޑަމްއެއްގައި ސޮއި ކުރެވިފައި ވެއެވެ. އެންމެ ފަހުން ސޮއި ކުރެވުނު ހަތަރުވަނަ އެޑެންޑަމްގައި (މީގެ ފަހުން " ހަތަރު ވަނަ އެޑެންޑަމް" ކަމަށް ބުނެފައިވާ) ސޮއިކޮށްފައި ވަނީ 07 ނޮވެންބަރު 2013 ގައެވެ.

ޖޭ.އެޗް ރިޒޯޓްސްގެ މާލީ ޤާބިލުކަން ދައްކައިދޭ ފައިނޭންޝަލް ޑޮކިއުމެންޓޭޝަން، ހަތަރުވަނަ އެޑެންޑަމްގައި ސޮއިކުރާ ތާރީޚުން ފެށިގެން 180 ދުވަހުގެ ތެރޭގައި ހުށަހަޅަން ވާނެ ކަމަށް އެ އެޑެންޑަމްގެ 8 ވަނަ މާއްދާގައި ދެ ފަރާތުން އެއްބަސްވެފައިވެއެވެ. އަދި، ހަތަރުވަނަ އެޑެންޑަމްގެ 8 ވަނަ މާއްދާ ހިމެނޭ ގޮތަށް، އެ އެޑެންޑަމްގެ މާއްދާތަކާ ޖޭ.އެޗް ރިޒޯޓްސްއިން ޚިލާފުވެއްޖެނަމަ، އެއްބަސްވުމުގެ 23 ވަނަ މާއްދާގައި ބުނެފައިވާ ގޮތަށް އެއްބަސްވުން ބާޠިލުކުރުމުގެ ޙައްޤު ބޭނުން ކުރެވިދާނެ (invoke the right of termination) ކަމަށް ހަތަރުވަނަ އެޑެންޑަމްގެ 11 ވަނަ މާއްދާގައި ދެ ފަރާތުން އެއްބަސްވެފައިވެއެވެ.

ދެ ފަރާތުން އެއްބަސްވި ފަދައިން، ހަތަރު ވަނަ އެޑެންޑަމްގެ 8 ވަނަ މާއްދާގައި ބުނާ 180 (ސަތޭކަ އަށްޑިހަ) ދުވަސް ފާއިތުވެ ދިޔައިރު ވެސް ޖޭ.އެޗް ރިޒޯޓްސްގެ މާލީ ޤާބިލުކަން ދައްކައިދޭ ފައިނޭންޝަލް ޑޮކިއުމެންޓޭޝަން ހުށަހަޅާފައި ނުވާކަމަށް ބުނެ، އެ އެޑެންޑަމްގެ 11 ވަނަ މައްދާ އާއި އެއްބަސްވުމުގެ 23 ވަނަ މާއްދާގެ ދަށުން، 7 (ހަތެއް) ދުވަސް ތެރޭގައި އެއްބަސްވުން ބާޠިލުވާނެކަން އަންގައި، 05 ފެބުރުވަރީ 2015 ގައި މިނިސްޓްރީގެ ފަރާތުން ޖޭ.އެޗް ރިޒޯޓްސްއަށް އެއްބަސްވުން ބާޠިލުކުރުމުގެ ނޯޓިސް (termination notice) ފޮނުވާފައިވެއެވެ.

އެއްބަސްވުން ބާޠިލުކުރިކަން އެންގުމަށް މިނިސްޓްރީގެ ފަރާތުން ފޮނުވި ސިޓީގައިވާ އެންގުމަކީ، އެއްބަސްވުމާ ޚިލާފު އެންގުމެއް ކަމަށް ކަނޑައަޅައި ދިނުމަށާއި، އެއްބަސްވުމާއި އެ އެއްބަސްވުމަށް ގެނެވިފައިވާ އެޑެންޑަމްތަކަށް ޢަމަލުކުރުމަށް މިނިސްޓްރީގެ މައްޗަށް އަމުރު ކޮށްދިނުމަށާއި، މިނިސްޓްރީން ފޮނުވާފައިވާ ނޯޓިހުގެ ސަބަބުން ގެއްލުމެއް ލިބިފައިވާނަމަ، އެ ގެއްލުމެއްގެ ބަދަލު ހޯދުމަށް ދަޢުވާ ކުރުމުގެ ޙައްޤު އެ ކުންފުންޏަށް ލިބިގެންވާ ކަމަށް ކަނޑައަޅައި ދިނުމަށް އެދި ޖޭ.އެޗް ރިޒޯޓްސްގެ ފަރާތުން ދައުލަތުގެ މައްޗަށް ރައްދުވާ ގޮތަށް ސިވިލް ކޯޓުގައި ދަޢުވާ ކުރިއެވެ.

ސިވިލް ކޯޓުން ނިންމިގޮތް

ޖޭ.އެޗް ރިޒޯޓްސްގެ ފަރާތުން ދަޢުވާ ކުރި މައްސަލަ ބަލާފައިވަނީ ސިވިލް ކޯޓުގެ ނަންބަރު 1839/Cv-C/2015 ޤަޟިއްޔާއިންނެވެ.

މިނިސްޓްރީގެ ފަރާތުން ފޮނުވާފައިވާ ނޯޓިހަކީ ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 20 ވަނަ މާއްދާގެ (ހ) އަށް ރިޢާޔަތް ކުރާއިރު، އެއްބަސްވުމާ ޚިލާފަށް ފޮނުވާފައިވާ ނޯޓިހެއް ކަމަށާއި، އެ ނޯޓިސްގެ ސަބަބުން އެއްބަސްވުން ބާޠިލު ނުވާކަމަށް ކަނޑައަޅައި، އަދި އެ ނޯޓިސްގެ ސަބަބުން ޖޭ.އެޗް ރިޒޯޓްސްއަށް ގެއްލުމެއް ލިބިފައިވާނަމަ، އެ ގެއްލުމުގެ ބަދަލު ހޯދުމަށް ދަޢުވާ ކުރުމުގެ ޙައްޤު އެ ކުންފުންޏަށް ލިބިގެންވާ ކަމަށް ކަނޑައަޅައި، ސިވިލް ކޯޓުން ޙުކުމް ކޮށްފައިވެއެވެ.

ސިވިލް ކޯޓުގެ ނިންމުން ބިނާކުރި މައިގަނޑު ކަންތައްތައް ތިރީގައި އެ ވަނީ އެވެ.

ހަތަރު ވަނަ އެޑެންޑަމްގެ 8 ވަނަ މާއްދާގައި ބުނާ 180 (ސަތޭކަ އަށްޑިހަ) ދުވަސް ފާއިތުވެ ދިޔައިރު ވެސް ޖޭ.އެޗް ރިޒޯޓްސްއިން ފައިނޭންޝަލް ޑޮކިއުމަންޓޭޝަން ހުށަހަޅާފައިވާ ކަމަށް ބެލެވެން ނެތް ނަމަވެސް، ފައިނޭންޝަލް ޑޮކިއުމެންޓޭޝަން ހުށަހަޅާފައި ނުވުމަކީ އެއްބަސްވުމުގެ 23 ވަނަ މާއްދާގެ ދަށުން، އެއްވެސް އިތުރު އެންގުމަކާ ނުލައި އެއްބަސްވުން މުޠުލަޤަށް ބާޠިލު ކުރެވޭނެ ސަބަބެއްކަން އެނގެން ނެތުން؛

އެއްބަސްވުމުގެ 23 ވަނަ މާއްދާގެ (iii) އަށް ބަލާއިރު، އެއްބަސްވުން ބާޠިލު ކުރުމުގެ ނޯޓިސް ވާން ވާނީ އެ އެއްބަސްވުމުގެ 23 ވަނަ މާއްދާގެ (i) ގައި ބަޔާންކޮށްފައިވާ ޙާލަތްތަކުގައި ދެވޭ ބާޠިލުކުރުމުގެ ނޯޓިހެއް ކަން ސާފުކޮށް އެނގެން އޮތުން؛

އެއްބަސްވެފައިވާ މުއްދަތުގެ ތެރޭގައި ޖޭ.އެޗް ރިޒޯޓްސްގެ މާލީ ޤާބިލުކަން ދައްކައިދޭ ފައިނޭންޝަލް ޑޮކިއުމެންޓޭޝަން ހުށަހަޅާފައިނުވާ ކަމަށް ބުނެ، ހަތަރު ވަނަ އެޑެންޑަމްގެ 11 ވަނަ މައްދާ އާއި އެއްބަސްވުމުގެ 23 ވަނަ މާއްދާގެ ދަށުން އެއްބަސްވުން ބާޠިލުވާނެކަން އަންގައި މިނިސްޓްރީން ފޮނުވާފައިވާ ނޯޓިހަކީ ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 20 ވަނަ މާއްދާގެ (ހ) އަށް ރިޢާޔަތް ކުރާއިރު، އެއްބަސްވުމާ ޚިލާފަށް ފޮނުވާފައިވާ ނޯޓިހެއް ކަން ޝަރީޢަތަށް ޤަބޫލުކުރެވުން.

ސިވިލް ކޯޓުން މައްސަލަ ނިންމާފައިވަނީ ޤާނޫނާ އެއްގޮތަށް ނޫން ކަމަށް ބުނެ ސިވިލް ކޯޓުގެ އެ ޤަޟިއްޔާއިން ކުރި ޙުކުމް ދައުލަތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިވެއެވެ.

ހައިކޯޓުން ނިންމިގޮތް

ދައުލަތުން އިސްތިއުނާފު ކުރި މައްސަލަ ބަލާފައި ވަނީ ހައިކޯޓުގެ ނަންބަރު 2016/HC-A/195 ޤަޟިއްޔާއިންނެވެ. ދައުލަތުން ހުށަހެޅި ނުކުތާތަކުގެ މައްޗަށް ބިނާކޮށް ސިވިލް ކޯޓުން ކޮށްފައިވާ ޙުކުމަށް ބަދަލު ގެންނަންޖެހޭ ފަދަ ޝަރުޢީ އަދި ޤާނޫނީ އެއްވެސް ސަބަބެއް ނެތް ކަމަށް، އެ މައްސަލަ ބެލި ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި، ސިވިލް ކޯޓުގެ ޙުކުމަށް ތާއީދުކޮށް އެ ޤަޟިއްޔާގައި ހައިކޯޓުން ޙުކުމް ކޮށްފައިވެއެވެ.

ހައިކޯޓުން އެ ޙުކުމަށް ވާޞިލުވެފައި ވަނީ އަންނަނިވި ކަންތައްތަކުގެ މައްޗަށް ބިނާކޮށެވެ.

އެއްބަސްވުމާއި އެޑެންޑަމްތަކުގެ ރޫހަށާއި މަޤްޞަދަށް ބަލާއިރު، ފައިނޭންޝަލް ޑޮކިއުމަންޓެއް ހުށަނޭޅުމަކީ އެއްބަސްވުމުގެ Fundamental Breach އެއްގެ ގޮތުގައި ބެލެވޭ ކަމަކަށް ނުވުމާއި، ކުލި ދެއްކުން ނޫން ކަމެއްގައި އެއްބަސްވުމާ ޚިލާފުވެއްޖެނަމަ ޢަމަލުކުރާނެ ގޮތް ބަޔާން ކޮށްފައި ވަނީ އެ އެއްބަސްވުމުގެ 26 ވަނަ މާއްދާގައި ކަމަށް ވާއިރު، ފައިނޭންޝަލް ޑޮކިއުމަންޓޭޝަން ހުށަނާޅައި އޮތް ނަމަވެސް، އެއްބަސްވުން ބާޠިލު ކުރުމުގެ ކުރިން އެއްބަސްވުމުގެ 26 ވަނަ މާއްދާގައިވާ އިޖުރާއަތުތައް މިނިސްޓްރީގެ ފަރާތުން ފުރިހަމަ ކުރަންޖެހޭ ކަމަށް އެނގެން އޮތުން؛

އެއްބަސްވުމެއްގެ ބައިވެރިޔަކު އެއްބަސްވުމާ ޚިލާފުވެގެން ދެވަނަ ބައިވެރިޔާއަށް ގެއްލުންތަކެއް ލިބިއްޖެނަމަ، ލިބުނު ގެއްލުމަކަށް އެއްބަސްވުމާ ޚިލާފަށް ޢަމަލުކުރި ފަރާތުން ބަދަލު ދޭން ޖެހުމަކީ ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގައި ބަޔާން ކޮށްފައިވާގޮތް ކަމަށް ވުމުން، އެއްބަސްވުން ބާޠިލު ކުރުމުގެ ސަބަބުން ޖޭ.އެޗް ރިޒޯޓްސްއަށް ގެއްލުމެއް ލިބިފައިވާނަމަ، އެ ގެއްލުމުގެ ބަދަލު ހޯދުމަށް ދަޢުވާ ކުރުމުގެ ޙައްޤު އެ ކުންފުންޏަށް ލިބިގެންވާ ކަމަށް ސިވިލް ކޯޓުން ކަނޑައެޅި ކަނޑައެޅުމަކީ ދައުލަތުން ދައްކާފައިވާ ވާހަކަތަކަށާއި ހުށަހެޅި ހެކި ޤަރީނާތަކުގެ މައްޗަށް ބަލާއިރު، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 142 ވަނަ މާއްދާ އާއި ދިވެހިރާއްޖޭގެ ފަނޑިޔާރުން ޤާނޫނުގެ 5 ވަނަ މާއްދާގެ (ށ) ގެ 1 ވަނަ ނަންބަރާ ޚިލާފަށް ނިންމާފައިވާ ނިންމުމެއް ކަމަށް ބެލެވެން ނެތުން.

ހައިކޯޓުގެ ނަންބަރު 2016/HC-A/195 ޤަޟިއްޔާ ނިންމާފައި ވަނީ ޤާނޫނާ އެއްގޮތަށް ނޫން ކަމަށް ބުނެ ދައުލަތުގެ ފަރާތުން ސުޕްރީމް ކޯޓުގައި އެ ޤަޟިއްޔާ އިސްތިއުނާފު ކޮށްފައިވެއެވެ.

ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައިވާ ނުކުތާތަކާއި އެ ނުކުތާތަކަށް ދީފައިވާ ރައްދު

ދައުލަތުގެ ފަރާތުން އިސްވެ ބަޔާންވެދިޔަ ހައިކޯޓުގެ ޤަޟިއްޔާ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރަމުން ހުށަހަޅާފައިވާ އިސްތިއުނާފީ ދެ ނުކުތާ އާއި އެ ނުކުތާތަކަށް ޖޭ.އެޗް ރިޒޯޓްސްގެ ފަރާތުން ދީފައިވާ ރައްދުތައް ތިރީގައި އެ ވަނީ އެވެ.

އިސްތިއުނާފުކުރާ ފަރާތުން ހުށަހަޅާފައިވާ އިސްތިއުނާފީ ފުރަތަމަ ނުކުތާއަކީ: ފައިނޭންޝަލް ޑޮކިއުމަންޓޭޝަން ހުށަނޭޅުމަކީ އެއްބަސްވުމުގެ 23 ވަނަ މާއްދާގެ ދަށުން އެއްވެސް އިތުރު ނޯޓިހެއް ދިނުމަކާ ނުލައި އެއްބަސްވުން ބާޠިލު ކުރުން ހުއްދަކުރާ ޙާލަތްތަކުގެ ތެރެއިން ޙާލަތަކަށް ފެތޭ ކަމެއް ކަމުގައި ބެލެވެން ނެތްކަމަށް ހައިކޯޓުން ނިންމާފައިވަނީ، ހަތަރު ވަނަ އެޑެންޑަމްގެ 11 ވަނަ މާއްދާގައި، އެއްބަސްވުމުގެ 23 ވަނަ މާއްދާއާ ޙަވާލާދީ އެއްވެސް އިތުރު ނޯޓިހެއް ދިނުމަކާ ނުލައި އެ އެއްބަސްވުން ބާޠިލު ކުރެވިދާނެ ކަމަށް ބަޔާން ކޮށްފައިވާ ޙާލަތަށް ރިޢާޔަތް ކުރުމެއް ނެތި ކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.

މި ނުކުތާއަށް ރައްދުދެމުން އިސްތިއުނާފު ރައްދުވާ ފަރާތުން ބުނެފައިވާ ވާހަކަތަކަށް ބަލާއިރު:

ހަތަރު ވަނަ އެޑެންޑަމްގެ 11 ވަނަ މާއްދާގެ ދަށުން އެއްބަސްވުމުގެ 23 ވަނަ މާއްދާގެ ތެރެއަށް އެ އެއްބަސްވުން ބާޠިލު ކުރެވިދާނެ އިތުރު ޙާލަތެއް އުފަން ކުރުވީ ކަމަށް ދައުލަތުން މާނަކުރާ ކުރުން ރަނގަޅު ނޫން ކަމަށާއި؛

އެއްބަސްވުމުގެ 23 ވަނަ މާއްދާ އާއި ހަތަރު ވަނަ އެޑެންޑަމްގެ 11 ވަނަ މާއްދާގެ އިބާރާތަށް ބަލާއިރު، 23 ވަނަ މާއްދާގެ (i) ގައި ބަޔާން ކޮށްފައިވާ ފަސް ކަމަކީ އޭގެ ޒާތުގައި ވަކި އިޖުރާއަތުތަކެއް ފުރިހަމަ ކުރުމަށްފަހު މެނުވީ އެއްބަސްވުން ބާޠިލު ކުރެވޭނެ ކަންކަމަށް ނުވާތީ އާއި، ހަތަރު ވަނަ އެޑެންޑަމްގެ 11 ވަނަ މާއްދާގައި ބަޔާންވެގެން ވަނީ އެ މާއްދާގައި ބުނެފައިވާ މާއްދާތަކާ ޚިލާފުވެއްޖެނަމަ ދައުލަތަށް 23 ވަނަ މާއްދާގައި ބުނާ ލީސް އެއްބަސްވުން ބާޠިލު ކުރުމުގެ ޙައްޤުގެ ބޭނުން ކުރެވިދާނެ ކަމަށް ކަމަށާއި، އެއްވެސް ޙާލަތެއްގައި 11 ވަނަ މާއްދާގެ މަޤްޞަދަކީ އެއްބަސްވުމުގެ 23 ވަނަ މާއްދާގެ (i) އިޞްލާޙުކުރުން ކަމަށް ވާނަމަ، އެކަން ޞަރީޙަ އިބާރާތުން ބާޔާންކޮށްފައި އޮންނާނެތީ، ހަތަރު ވަނަ އެޑެންޑަމްގެ 11 ވަނަ މާއްދާގެ ޒަރިއްޔާއިން އެއްބަސްވުމުގެ 23 ވަނަ މާއްދާގެ ތެރެއަށް އެއްބަސްވުން ބާޠިލު ކުރެވޭނެ އިތުރު ޙާލަތެއް އުފަންވެފައި ނުވާކަން ދޭހަވާ ކަމަށާއި؛

ބަހުސްގެ ބޭނުމަށް ޖޭ.އެޗް ރިޒޯޓްސްގެ ފަރާތުން ފައިނޭންޝަލް ޑޮކިއުމަންޓޭޝަން ހުށަހަޅާފައިނުވާ ކަމަށް ބެލިނަމަވެސް، ފައިނޭންޝަލް ޑޮކިއުމަންޓޭޝަން ހުށަހެޅުމަކީ non-financial breach އެއް ކަމަށް ވާތީ، އެ ޙާލަތުގައި ލީސް އެއްބަސްވުން ބާޠިލު ކުރެވޭނީ 23 ވަނަ މާއްދާގެ (i) ގެ c ގައި ބުނެފައިވާ ގޮތަށް، އެ އެއްބަސްވުމުގެ 26 ވަނަ މާއްދާގައި ބުނެފައިވާ އިޖުރާއަތު ފުރިހަމަ ކުރުމަށްފަހު ކަމަށް ބުނެފައިވާކަން ފާހަގަކުރެވެއެވެ.

އިސްތިއުނާފު ރައްދުވާ ފަރާތުގެ ވާހަކަތަކަށް ރައްދުދެމުން އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވާ ވާހަކަތަކަށް ބަލާއިރު؛

ހަތަރު ވަނަ އެޑެންޑަމްގެ 8 ވަނަ މާއްދާގައި ބުނާ މުއްދަތުގައި ފައިނޭންޝަލް ޑޮކިއުމަންޓޭޝަން ހުށަނޭޅުމަކީ އެއްބަސްވުމުގެ 23 ވަނަ މާއްދާގެ ދަށުން އިތުރު ނޯޓިހެއް ދިނުމަކާ ނުލައި އެއްބަސްވުން ބާޠިލު ކުރެވިދާނެ ޙާލަތެއްކަން، ހަތަރު ވަނަ އެޑެންޑަމްގެ 11 ވަނަ މާއްދާއަށް ބެލުމުން އެނގޭ ކަމަށާއި، މިއީ ޖޭ.އެޗް ރިޒޯޓްސްގެ ފަރާތުން ވެސް އެއްބަސްވެފައިވާ ކަމެއް ކަން އެ މާއްދާގެ އިބާރާތަށް ބެލުމުން އެނގޭ ކަމަށާއި، އެއްބަސްވެފައިވާ ގޮތާ ޚިލާފަށް، އެ ޙާލަތުގައި ދައުލަތުން ޢަމަލު ކުރަންޖެހޭނީ އެއްބަސްވުމުގެ 26 ވަނަ މާއްދާއާ އެއްގޮތަށް ކަމަށް ޖޭ.އެޗް ރިޒޯޓްސްއަށް މިހާރު ވާހަކަ ދެއްކިދާނެ ކަމަށް ޤަބޫލު ނުކުރާ ކަމަށާއި؛

ފައިނޭންޝަލް ޑޮކިއުމަންޓޭޝަން ހުށަނޭޅުމަކީ އޭގެ ޒާތުގައި non-financial breach އެއް ކަމަށް ވީނަމަވެސް، ހަތަރު ވަނަ އެޑެންޑަމްގެ 11 ވަނަ މާއްދާގެ ދަށުން އެކަމަކީ އެއްވެސް ނޯޓިހެއް ދިނުމަކާ ނުލައި އެއްބަސްވުން ބާޠިލުކުރެވިދާނެ (immediate termination) ކަމެއް ކަމަށް ދެ ފަރާތުން އެއްބަސްވެފައިވުމުން، މި ޙާލަތުގައި ލީސް އެއްބަސްވުމުގެ 26 ވަނަ މާއްދާގެ ބޭނުން ޖޭ.އެޗް ރިޒޯޓްސްއަށް ހިފިދާނެ ކަމަށް ދައުލަތަށް ޤަބޫލު ނުކުރެވޭ ކަމަށާއި، އެއްބަސްވުން ބާޠިލު ކުރުމުގައި ދައުލަތުން ޢަމަލު ކޮށްފައިވަނީ އެއްބަސްވުމުގެ 23 ވަނަ މާއްދާ އާއި ހަތަރު ވަނަ އެޑެންޑަމްގެ 11 އާ އެއްގޮތަށް ކަމަށް ދައުލަތުން ބުނެފައިވާކަން ފާހަގަކުރެވެއެވެ.

އިސްތިއުނާފުކުރާ ފަރާތުން ހުށަހަޅާފައިވާ އިސްތިއުނާފީ ދެވަނަ ނުކުތާއަކީ: އެއްބަސްވުން ބާޠިލު ކޮށްފައި ވަނީ ހަތަރު ވަނަ އެޑެންޑަމްގެ 8 ވަނަ މާއްދާގައި ބަޔާންކުރާ ފައިނޭންޝަލް ޑޮކިއުމަންޓޭޝަން ޖޭ.އެޗް ރިޒޯޓްސްގެ ފަރާތުން ހުށަހަޅާފައި ނުވާތީ ކަމަށް ވާއިރު، ފައިނޭންޝަލް ޑޮކިއުމަންޓޭޝަން ހުށަހަޅާފައި ނުވާ ކަމުގެ ޙަޤީޤަތުގެ މައްޗަށް ރިޢާޔަތް ކުރުމެއް ނެތި ހައިކޯޓުން ޙުކުމް ކޮށްފައިވާ ކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.

މި ނުކުތާއަށް ރައްދުދެމުން އިސްތިއުނާފު ރައްދުވާ ފަރާތުން ބުނެފައިވާ ވާހަކަތަކަށް ބަލާއިރު:

ޖޭ.އެޗް ރިޒޯޓުގެ ފަރާތުން މި މައްސަލައިގައި ފެށުނީއްސުރެ ބުނަމުން ގެންދިޔައީ، ބަހުސްގެ ބޭނުމަށް ފައިނޭންޝަލް ޑޮކިއުމަންޓޭޝަން ހުށަނާޅާ ކަމަށް ބެލިނަމަވެސް، އެއްބަސްވުން ބާޠިލު ކުރުމުގައި ދައުލަތުން ޢަމަލު ކޮށްފައިވަނީ އެއްބަސްވުން ބާޠިލު ކުރުމަށް އެ އެއްބަސްވުމުގައި ކަނޑައަޅާފައިވާ އިޖުރާއަތާ ޚިލާފަށް ކަމަށާއި؛

ހައިކޯޓުގެ ނިންމުން ބިނާވެފައި ވަނީ ވެސް ޖޭ.އެޗް ރިޒޯޓްސްގެ ފަރާތުން ފައިނޭންޝަލް ޑޮކިއުމަންޓޭޝަން ހުށަނާޅައި އޮތްނަމަ، ދައުލަތުން އެއްބަސްވުން ބާޠިލުކުރުމުގައި ޢަމަލުކުރަން ޖެހޭ އިޖުރާއަތު ފުރިހަމަ ކޮށްފައި ވޭތޯ ބެލުމުގެ މައްޗަށް ކަމަށާއި، އެހެންކަމުން މި ނުކުތާގައި ދައުލަތުން ފާހަގަކޮށްފައިވާ ކަންތައްތަކަކީ އިތުރު ބަހުސަކަށް ދާން ޖެހޭ ކަންތައްތަކެއް ނޫން ކަމަށާއި؛

ފައިނޭންޝަލް ޑޮކިއުމަންޓޭޝަން ހުށަނާޅައިގެން ދައުލަތުން ބާޠިލު ކޮށްފައިވާ އެހެން އެއްބަސްވުމެއް ކަމަށްވާ، ހދ. ހޮނޑާފުށީގައި ޓޫރިސްޓު ރިޒޯޓެއް ތަރައްޤީ ކުރުމަށްޓަކައި ވެވުނު އެއްބަސްވުން ދައުލަތުން ބާޠިލުކުރުމުން، ދައުލަތުގެ މައްޗަށް އެ މައްސަލާގައި ކުއްޔަށް ހިފި ފަރާތުން ދަޢުވާ ކުރި ކަމަށާއި، އެ މައްސަލައިގައި ސިވިލް ކޯޓުން ނިންމާފައިވަނީ ކުއްޔަށް ހިފި ފަރާތާ އެއްކޮޅަށް ކަމަށާއި، އެގޮތުން ފައިނޭންޝަލް ޑޮކިއުމަންޓޭޝަން ހުށަނޭޅި ކަމަށް ބެލިނަމަވެސް، އެއްބަސްވުން ބާޠިލު ކުރެވޭނީ، އެ އެއްބަސްވުމުގައި ލާޒިމުކުރާ ދެބަސްވުން ޙައްލު ކުރުމުގެ އިޖުރާއަތު ފުރިހަމަކޮށް، non-financial breach އެއްގެ ޙާލަތުގައި ދޭން ޖެހޭ ނޯޓިސްތައް ދީ، އެ މަރުޙަލާ ފުރިހަމަ ކުރުމަށް ފަހު ކަމަށާއި؛

ހދ. ހޮނޑާފުށީ ކުއްޔަށް ދިނުމާގުޅޭ އެއްބަސްވުން ބާޠިލުކުރުމާގުޅިގެން ސިވިލް ކޯޓުން ބެލި މައްސަލައިގައި ނިންމި ނިންމުން ދައުލަތުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން އެ މައްސަލައިގައި ހައިކޯޓުން ނިންމާފައިވަނީ ސިވިލް ކޯޓުގެ ޙުކުމަށް ތާއީދުކޮށް ކަމަށާއި، އެ މައްސަލައިގައި ހައިކޯޓުން ނިންމި ނިންމުން ސުޕްރީމް ކޯޓުގައި ދައުލަތުން އިސްތިއުނާފު ކޮށްފައިނުވާއިރު، އޭގެ ފަހުން ނިންމާފައިވާ މި މައްސަލަ ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައިވަނީ ޤާނޫނުއަސާސީގެ 20 ވަނަ މާއްދާގައި ބުނާ ހަމަހަމަކަމުގެ އުޞޫލާ ޚިލާފަށް، ޖޭ.އެޗް ރިޒޯޓްސްއާ މެދު ތަފާތު އުޞޫލަކުން ޢަމަލުކޮށް ކަމަށް ބުނެފައިވާކަން ފާހަގަކުރެވެއެވެ.

އިސްތިއުނާފު ރައްދުވާ ފަރާތުގެ ވާހަކަތަކަށް ރައްދުދެމުން އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވާ ވާހަކަތަކަށް ބަލާއިރު،

ޖޭ.އެޗް ރިޒޯޓްސްގެ ފަރާތުން ފައިނޭންޝަލް ޑޮކިއުމަންޓޭޝަން ހުށަހަޅާފައިނުވާ ކަމަށާއި، ދައުލަތުން އެފަދައިން ބުނަނީ ސިވިލް ކޯޓުން ފައިނޭންޝަލް ޑޮކިއުމަންޓޭޝަން ހުށަހަޅާފައިނުވާ ކަމަށް ނިންމާފައިވާތީ ކަމަށާއި، އަދި މި ނިންމުން ޖޭ.އެޗް ރިޒޯޓްސްގެ ފަރާތުން އިސްތިއުނާފު ކޮށްފައި ނުވާތީ، އެއީ މިހާރު ނިހާއީ ވެފައިވާ ނިންމުމެއް ކަމަށާއި؛

އެއްބަސްވުމަށް ގެނެވޭ އެޑެންޑަމެއްގެ ޒަރިއްޔާއިން އެއްބަސްވުމަށް ކަމެއް އިތުރު ކުރެވިއްޖެނަމަ، އެ ކަމެއް ބެލެވޭނީ އެއްބަސްވުމުގެ ބައެއްގެ ގޮތުގައި ކަމަށާއި، ފައިނޭންޝަލް ޑޮކިއުމަންޓޭޝަން ހުށަނޭޅުމަކީ އެއްބަސްވުން ބާޠިލު ކުރެވިދާނެ ޙާލަތެއް ކަމަށް ހަތަރު ވަނަ އެޑެންޑަމްގެ11 ވަނަ މާއްދާގައި ބުނެފައި އޮތުމުން، ލީސް އެއްބަސްވުމުގެ 23 ވަނަ މާއްދާއަށް ބަލާއިރު އެއްބަސްވުން ބާޠިލު ކުރެވިދާނެ ޙާލަތެއް (termination event) އިތުރުވެފައިވާ ކަމަށާއި، ޖޭ.އެޗް ރިޒޯޓްސްގެ ފަރާތުން އެއްބަސްވެފައިވާ މުއްދަތުގައި ފައިނޭންޝަލް ޑޮކިއުމަންޓޭޝަން ހުށަނޭޅުމަކީ އެއްބަސްވުން ބާޠިލު ކުރުމުގެ ޙައްޤު ދައުލަތަށް އުފަން ކުރުވި ކަމެއް ކަމަށާއި، އެއްބަސްވުން ބާޠިލު ކޮށްފައިވަނީ އެ ޙާލަތުގައި ކަމަށްވި ނަމަވެސް ހައިކޯޓުން އެކަމަށް ރިޢާޔަތް ކޮށްފައިނުވާ ކަމަށާއި؛

އެއްބަސްވުމުގެ 33 ވަނަ މާއްދާގައިވާ ދެބަސްވުން ޙައްލު ކުރުމުގެ އިޖުރާއަތަކީ، ކޯޓު މަރުޙަލާގެ ކުރިން ފުރިހަމަ ކުރަންޖެހޭ ކަމެއް ކަމަށާއި، އެ އިޖުރާއަތު ފުރިހަމަ ކުރަން ޖެހޭނީ ކޯޓަށް މައްސަލަ ހުށަހަޅާ ފަރާތުންކަން އެ މާއްދާއަށް ބެލުމުން އެނގޭ ކަމަށާއި، މި މައްސަލައިގައި ސިވިލް ކޯޓަށް މައްސަލަ ހުށަހެޅީ ޖޭ.އެޗް ރިޒޯޓްސްއިން ކަމަށް ވާތީ، އެ އިޖުރާއަތަކީ ޖޭ.އެޗް ރިޒޯޓްސްއިން ފުރިހަމަ ކުރަން ޖެހޭ އިޖުރާއަތެއް ކަމަށް ދައުލަތުން ބުނެފައިވާކަން ފާހަގަކުރެވެއެވެ.

މި މައްސަލައިގައި ސުޕްރީމް ކޯޓުން ގޮތެއް ނިންމަން ޖެހޭ ކަމަކީ ކޮބައިކަން

އެއްބަސްވުން ބާތިލުކޮށްފައިވަނީ، ހަތަރު ވަނަ އެޑެންޑަމްގެ 11 ވަނަ މާއްދާއާ ހަވާލާދީ، އެއްބަސްވުމުގެ 23 ވަނަ މާއްދާގެ ދަށުންކަމަށް އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވެއެވެ. މިމައްސަލާގައި އޮތް މައިގަނޑު ބަހުސް ބިނާވާ ސުވާލަކީ ފައިނޭންޝަލް ޑޮކިއުމެންޓޭޝަން ހުށަނޭޅުމަކީ، ހަތަރު ވަނަ އެޑެންޑަމްގެ 11 ވަނަ މާއްދާއާ ހަވާލާދީ، އެއްބަސްވުމުގެ 23 ވަނަ މާއްދާގެ ދަށުން އިތުރު ނޯޓިސްއެއް ދިނުމަކާނުލައި ވަގުތުން އެއްބަސްވުން ބާތިލުކުރެވޭނެ ހާލަތެއްތޯ ނުވަތަ ނޫންތޯއެވެ. މިގޮތުން ސުޕްރީމް ކޯޓުން މިމައްސަލާގައި ގޮތެއް ނިންމާއިރު ޖަވާބު ލިބިފައި އޮންނަންޖެހޭ ސުވާލަކީ، އެއްބަސްވުމުގެ 23 ވަނަ މާއްދާއާއި، ހަތަރު ވަނަ އެޑެންޑަމްގެ 11 ވަނަ މާއްދާ އެކުއެކީ ކިޔުމުން ނުކުންނާނެ ނަތީޖާއަކީ ކޮބައިތޯއެވެ.

ހަތަރު ވަނަ އެޑެންޑަމްގެ 11 ވަނަ މާއްދާ އާއި އެ މާއްދާގައި ޙަވާލާދީފައިވާ އެހެން މާއްދާތައް

ހަތަރު ވަނަ އެޑެންޑަމްގެ 11 ވަނަ މާއްދާގައި ބަޔާންވެގެންވަނީ:

11. In addition to the right of termination of the Lease Agreement contained therein, and without prejudice to any other rights which the Lessor may have under the Lease Agreement and this Fourth Addendum or in Law, the Lessee irrevocably agrees that the Lessor shall have the right to invoke the right of termination of the Lease Agreement contained in Clause 23 of the Lease Agreement where the Lessee fails to comply with Clause 2,4,6,7 and 8 of this fourth Addendum.

މި މާއްދާގެ ސަރީހަ ޢިބާރާތުން އަންނަނިވި ކަންކަން ފާހަގަކުރެވިފައިވެއެވެ.

ހަތަރު ވަނަ އެޑެންޑަމްގެ 8 ވަނަ މާއްދާއާއި ކުއްޔަށް ހިފާ ފަރާތުން ޚިލާފުވާ ޙާލަތުގައި، އެއްބަސްވުމުގައި ބަޔާންވެގެންވާ އެއްބަސްވުން ބާޠިލު ކުރުމުގެ ޙައްޤު ކުއްޔަށް ދޭފަރާތަށް ބޭނުން ކުރެވިދާނެކަން.

މި މާއްދާގެ ދަށުން އެއްބަސްވުން ބާޠިލު ކުރުމުގެ ޙައްޤު ކުއްޔަށް ދޭފަރާތަށް ލިބިދެނީ އެއްބަސްވުމުގެ 23 ވަނަ މާއްދާގައިވާ ގޮތުގެ މަތީން އެއްބަސްވުން ބާޠިލު ކުރުމަށްކަން މި މާއްދާގައި ސާފު ޢިބާރާތުން ބަޔާންކޮށްފައި ވާކަން.

އެއްބަސްވުން ބާޠިލް ކުރުމުގެ ޙައްޤު ކުއްޔަށް ދޭފަރާތަށް ލިބިދެވޭ ޙާލަތްތައް ކަމަށް އެއްބަސްވުމުގެ 23 ވަނަ މާއްދާގައި ބަޔާންވެގެންވާ 5 ޙާލަތުގެ އިތުރުން، 6 ވަނަ ޙާލަތެއް މި މާއްދާއިން އުފަންކޮށްފައި ވާކަން މި މާއްދާގައި ސާފު ޢިބާރާތުން ބަޔާންކޮށްފައި ނުވާކަން.

ހަތަރު ވަނަ އެޑެންޑަމްގެ 11 ވަނަ މާއްދާއާއި، އެމާއްދާގައި ޙަވާލާދީފައިވާ އެހެން މާއްދާތައް އެކުގައި ކިޔުމުން އަންނަނިވި ކަންކަން ފާހަގަކުރެވެއެވެ.

ހަތަރު ވަނަ އެޑެންޑަމްގައި ސޮއިކުރާތާ 180 ދުވަހުގެ ތެރޭގައި އިސްތިއުނާފު ރައްދުވާ ފަރާތުން ފައިނޭންޝަލް ޑޮކިއުމަންޓޭޝަން ހުށައަޅަން ޖެހޭނެ ކަމަށް އެ އެޑެންޑަމްގެ 8 ވަނަ މާއްދާގައި ބަޔާންވެގެން ވާކަން.

އެއްބަސްވުން ބާޠިލް ކުރުމުގެ ޙައްޤު ކުއްޔަށްދޭ ފަރާތަށް ލިބިދެވޭ ފަސް ޙާލަތެއް އެގްރީމަންޓުގެ 23 ވަނަ މާއްދާގެ ޕެރެގްރާފް (i) ގައި ބަޔާންވެގެންވާ ކަމާއި، އެ ފަސް ޙާލަތަކީ؛

"(a) ކުއްޔަށް ހިފާ ފަރާތުން އެއްބަސްވުމުގެ 12 ވަނަ މާއްދާގެ ޕެރެގްރާފް (i) ގައި ބުނާ ކުލި ދައްކަން ޖެހި ނުދެއްކުން ނުވަތަ ކުލި ނުދައްކައިގެން ގެއްލުމުގެ ބަދަލުގެ ގޮތުގައި ދައްކަން ޖެހޭނެ ކަމަށް 12 ވަނަ މާއްދާގެ ޕެރެގްރާފް (e) ގައި ބުނާ ގެއްލުމުގެ ބަދަލު ކުއްޔަށް ހިފާ ފަރާތުން ނުދެއްކުން؛

(b) ކުއްޔަށް ހިފާ ފަރާތަށް ރިޒޯޓު ކޮންސްޓްރަކްޝަން މަސައްކަތް ނުވަތަ ތަރައްޤީގެ މަސައްކަތްތައް އެކަމަށް ކަނޑައެޅިފައިވާ މުއްދަތުގައި، ނުވަތަ 7 ވަނަ މާއްދާގެ ދަށުން ކޮންސްޓްރަކްޝަން ނިންމުމަށް އިތުރަށް ދެވޭ މުއްދަތުގައި ނުނިންމުން؛

(c) މި އެއްބަސްވުމުގެ 26 ވަނަ މާއްދާގެ ޕެރެގްރާފް (i) އަދި/ ނުވަތަ (ii) ގެ ދަށުން ދެވޭ ނޯޓިސްތަކާ އެއްގޮތަށް ކުއްޔަށް ހިފާ ފަރާތުން ޢަމަލުނުކުރުން؛

(d) މި އެއްބަސްވުމުގެ 27 ވަނަ މާއްދާގެ ޕެރެގްރާފް (i)، (ii) އަދި/ ނުވަތަ (ii) ގެ ދަށުން ދެވޭ ނޯޓިސްތަކާ އެއްގޮތަށް ކުއްޔަށް ހިފާ ފަރާތުން ޢަމަލުނުކުރުން؛

(e) ކުއްޔަށް ހިފާ ފަރާތް ބަގުރޫޓުވުން ނުވަތަ، އެހެން ކުންފުންޏަކާ ގުޅުމަށް ނުވަތަ އަލުން ކުންފުނި ޤާނޫނީ ގޮތުން އެކުލަވާލުމުގެ ބޭނުމަށް ނޫން ގޮތަކަށް، އަމިއްލައަށް ނުވަތަ މަޖުބޫރުވެގެން ނަމަވެސް ކުންފުނީގެ މަސައްކަތް ހުއްޓާލުން." މި ފަސް ޙާލަތެވެ.

ހަތަރު ވަނަ އެޑެންޑަމްގެ 8 ވަނަ މާއްދާގައި ބަޔާންވެގެންވާ މުއްދަތުގައި އިސްތިއުނާފު ރައްދުވާ ފަރާތުން ފައިނޭންޝަލް ޑޮކިއުމަންޓޭޝަން ހުށަހަޅާފައި ނުވާއިރު، މިކަން ފެތެނީ އެއްބަސްވުމުގެ 23 ވަނަ މާއްދާގެ ޕެރެގްރާފް (i) ގައި ބަޔާންވެގެންވާ ފަސް ޙާލަތުންކުރެ ކޮން ޙާލަތަކަށްތޯ ބަލާއިރު، މާލީ ކަމެއް ނޫން ކަމެއްގައި ނުވަތަ non-financial breach އެއްގައި ކަންކުރާނެ ގޮތް އެގްރީމެންޓުގެ 26 ވަނަ މާއްދާގައި ބަޔާންވެގެންވާ ކަމާއި، ފައިނޭންޝަލް ޑޮކިއުމަންޓޭޝަން ހުށަނޭޅުމަކީ non-financial breach އެއް ކަމާއި، އެފަދަ ކަމަކާ ޚިލާފުވެގެން 26 ވަނަ މާއްދާގައި ބުނާ އިޖުރާއާތު ފުރިހަމަކޮށް އެ މާއްދާގެ ދަށުން ދޭ ނޯޓިސްތަކާ އެއްގޮތަށް ކުއްޔަށް ހިފާ ފަރާތުން ޢަމަލުނުކުރުމުން، އެއްބަސްވުން ނިމުމަކަށް ގެނައުމުގެ ޙައްޤުގެ ބޭނުން ކުރުމުގެ އިޚްތިޔާރު ކުއްޔަށްދޭ ފަރާތަށް ލިބިދެނީ 23 ވަނަ މާއްދާގެ ޕެރެގްރާފް (i) ގައި ބަޔާންވެގެންވާ 3 ވަނަ ޙާލަތުގައިކަން.

އެއްބަސްވުމުގެ 23 ވަނަ މާއްދާގެ ޕެރެގްރާފް (i) ގައި ބަޔާންވެގެންވާ 3 ވަނަ ޙާލަތުގެ ދަށުން އެއްބަސްވުން ނިމުމަކަށް ގެނެވޭނީ 26 ވަނަ މާއްދާގެ ދަށުން ދެ މަރުޙަލާއެއްގައި ނޯޓިސް ދީ، ޖޫރިމަނާ ކުރުމަށްފަހުކަން.

އެއްބަސްވުމުގެ 26 ވަނަ މާއްދާގައި ބަޔާންވެގެންވާ ގޮތުން، ކުއްޔަށް ހިފާ ފަރާތުން ޚިލާފުވެފައިވާ ކަމަކީ non-financial breach އެއް ނަމަ، ފުރަތަމަ ފަހަރުން އެއްބަސްވުން ނިމުމަކަށް ގެނައުމުގެ ބަދަލުގައި، ކުއްޔަށް ހިފާ ފަރާތް US$ 25,000 (ފަންސަވީސްހާސް އެމެރިކާ ޑޮލަރު) އަށް ވުރެ ގިނަ ނޫން އަދަދަކުން ޖޫރިމަނާކޮށް، 30 (ތިރީސް) ދުވަހުގެ މުއްދަތެއް އެ ޚިލާފެއް ރަނގަޅު ކުރުމަށް ދޭންޖެހޭ ކަމާއި، އެ ނޯޓިސްއާ އެއްގޮތަށް ކުއްޔަށް ހިފާ ފަރާތުން ޢަމަލު ނުކޮށްފިނަމަ، US$ 100,000 (އެއްލައްކަ އެމެރިކާ ޑޮލަރު) އަށް ވުރެ ގިނަ ނޫން އަދަދަކުން ޖޫރިމަނާކޮށް، އިތުރު 15 (ފަނަރަ) ދުވަސް ތެރޭގައި އެކަމެއް ރަނގަޅު ނުކޮށްފިނަމަ، އެއްބަސްވުމުގެ 23 ވަނަ މައްދާގެ ޕެރެގްރާފް (i) ގެ (c)ގެ ދަށުން އެއްބަސްވުން ނިމުމަކަށް ގެނައުމުގެ ޙައްޤު ކުއްޔަށް ދޭ ފަރާތަށް ލިބޭކަން.

ހަތަރު ވަނަ އެޑެންޑަމްގެ 11 ވަނަ މާއްދާ ދެ ފަރާތުން ދެ ގޮތަށް މާނަކޮށްފައިވުން

އެއްބަސްވުން ބާޠިލް ކުރުމުގެ ޙައްޤު ދައުލަތަށް ލިބިދެވޭ ޙާލަތްތައް ކަމަށް އެއްބަސްވުމުގެ 23 ވަނަ މާއްދާގައި ބަޔާންވެގެންވާ 5 ޙާލަތުގެ އިތުރުން، 6 ވަނަ ޙާލަތެއް، ހަތަރު ވަނަ އެޑެންޑަމްގެ 11 ވަނަ މާއްދާއިން އުފަންކޮށްފައި ވާކަން އެ މާއްދާގައި ސާފު ޢިބާރާތުން ބަޔާންކޮށްފައި ނުވާކަން ދައުލަތުން ވެސް ޤަބޫލުކުރާކަން ދައުލަތުގެ ބަހުން ދޭހަވެއެވެ. އިސްތިއުނާފު ފޯމްގެ 7.1.1.6 ގައި ދައުލަތުން ބުނެފައިވަނީ ހަތަރު ވަނަ އެޑެންޑަމުގައި، އެ އެޑެންޑަމްގެ 11 ވަނަ މާއްދާގައި އެވާ ޢިބާރާތް ހިމެނުމުގެ މަޤްޞަދަކީ، އެއްބަސްވުމުގެ 23 ވަނަ މާއްދާގެ ދަށުން އެއްވެސް އިތުރު ނޯޓިހެއް ދިނުމަކާ ނުލައި އެއްބަސްވުން ބާޠިލު ކުރެވިދާނެ ކަމަށް ބަޔާންކުރާ މާއްދާއަށް އިތުރު ޙާލަތެއް އިތުރުކުރުން ކަމަށެވެ.

ޖޭ.އެޗް ރިޒޯޓްސްގެ ފަރާތުން ހަތަރު ވަނަ އެޑެންޑަމްގެ 11 ވަނަ މާއްދާ މާނަ ކުރަނީ މުޅިން ތަފާތުކޮށެވެ. ޖޭ.އެޗް ރިޒޯޓްސްގެ ފަރާތުން ބުނެފައިވަނީ އެއްބަސްވުން ބާޠިލް ކުރުމުގެ ޙައްޤު ކުއްޔަށްދޭ ފަރާތަށް ލިބިދެވޭ ޙާލަތްތައް ކަމަށް އެއްބަސްވުމުގެ 23 ވަނަ މާއްދާގައި ބަޔާންވެގެންވާ 5 ޙާލަތުގެ އިތުރުން، 6 ވަނަ ޙާލަތެއް ހަތަރު ވަނަ އެޑެންޑަމްގެ 11 ވަނަ މާއްދާއިން އުފަންކޮށްފައި ނުވާ ކަމަށާއި، ހަތަރު ވަނަ އެޑެންޑަމްގެ 8 ވަނަ މާއްދާގައި އެބުނާ ކަމަކީ non-financial breach އެއް ކަމަށްވާތީ، އެއާއި ޚިލާފުވުމުން އިސްތިއުނާފު ކުރާ ފަރާތުން އެއްބަސްވުމުގެ 26 ވަނަ މާއްދާގައި ބުނާ މަރްޙަލާތައް ކަޑައްތު ކުރުމަށްފަހު، އެއްބަސްވުމުގެ 23 ވަނަ މާއްދާގެ ޕެރެގެރާފް (i) ގެ (c) ގެ ދަށުން އެއްބަސްވުން ނިމުމަކަށް ގެނައުމުގެ އިޚްތިޔާރު އިސްތިއުނާފު ކުރާ ފަރާތުގެ ކުރިމަތީގައި އޮތް ކަމަށާއި، ހަތަރު ވަނަ އެޑެންޑަމްގެ 8 ވަނަ މާއްދާއާ ޚިލާފުވާ ޙާލަތުގައި އެއްބަސްވުން ނިމުމަކަށް ގެނެވޭނީ އެމަގުން ކަމަށެވެ.

ހަތަރު ވަނަ އެޑެންޑަމްގެ 11 ވަނަ މާއްދާ ދެ ފަރާތުން ދެގޮތަށް މާނަ ކޮށްފައިވާއިރު، ޤާނޫނީ މަބްދައެއް ކަމުގައިވާ ކޮންޓްރާ ޕްރޮފެރެންޓަމް (contra proferentem) ގެ އުސޫލުން، އިސްކަން ދޭންޖެހޭނީ އިސްތިއުނާފު ރައްދުވާ ފަރާތުން މާނަކުރާ ގޮތަށް ކަމަށް އިސްތިއުނާފު ރައްދުވާ ފަރާތުން ބުނެފައިވެއެވެ.

ކޮންޓްރާ ޕްރޮފެރެންޓަމްގެ އުސޫލު

ކޮންޓްރާ ޕްރޮފެރެންޓަމް، މި މަބްދައުއަކީ އެއްބަސްވުމެއްގައި ހިމެނޭ ފުށުއެރުމަކާ ނުވަތަ ސާފުކޮށް ބަޔާންކޮށްފައިނުވާ ކަމަކާމެދު ގޮތެއް ކަނޑައެޅުމުގައި، އެއްބަސްވުމުގެ ބައިވެރިންގެ ތެރެއިން އެއްބަސްވުން އެކުލަވާލެވުނުއިރު، އެއަށް ބަދަލެއް ގެނައުމުގެ ބާރު ނެތް ފަރާތުގެ މަސްލަޙަތާ އެއްކޮޅަށް އެއްބަސްވުން މާނަކުރަން ޖެހޭނެ ކަމަށް ބުނާ މަބްދައުއެކެވެ. މި މަބްދައުއާ އެއްގޮތްވާ ގޮތުގެމަތިން އެއްބަސްވުން މާނަކުރަނީ އެއްބަސްވުން އެކުލަވާލި ފަރާތުން އެއްބަސްވުން ތައްޔާރުކުރުމުގައި އެފަރާތުގެ މަސްލަހަތު އެއްބަސްވުން އެކުލަވާލުމުގައި ރައްކާތެރިކުރާނެ ކަމުގައި ބަލައިގެންނެވެ. މީގެ ކުރިން ސުޕްރީމް ކޯޓުން ނިންމާފައިވާ ދެ ޤަޟިއްޔާއެއްގައި މި މަބްދައުއާ ޙަވާލާދީފައިވެއެވެ.

މި އެއްބަސްވުން އެކުލަވާލާފައިވަނީ ދައުލަތުން ކަމަށާއި، އެއްބަސްވުން އެކުލަވާލެވުނުއިރު މި އެއްބަސްވުމަށް އެއްވެސް ބަދަލެއް ގެނައުމުގެ އިޚްތިޔާރު އިސްތިއުނާފު ރައްދުވާ ފަރާތަށް ލިބިފައި ނުވާ ކަމަށާއި، ޓޫރިޒަމްގެ ބޭނުމަށް ކުއްޔަށްދޭ ރަށްތަކާއި ގުޅޭ އެއްބަސްވުންތަކަކީ އެއް ތައްގަނޑަކަށް އެއް އިބާރާތްތަކަކުން ހުންނަ އެއްބަސްވުންތަކެއް ކަމަށާއި، ކުއްޔަށް ހިފާ ފަރާތުން ބަދަލެއް ގެނައުމަށް އެދުނަސް ދޭ ސްޓޭންޑަޑް ޖަވާބަކީ މިފަދަ އެއްބަސްވުންތަކަކީ ވަކިގޮތަކަށް އޮންނަން ޖެހޭ ކަމަށް ފާސްކޮށްފައިވާ އެއްބަސްވުންތަކެއް ކަމަށްވާތީ ބަދަލު ގެނައުމުގެ ފުރުސަތު ލިބިނުދެވޭނެ ކަމަށް ދައުލަތުން ޖަވާބު ދޭކަމަށް ޖޭ.އެޗް ރިޒޯޓްސްގެ ފަރާތުން ބުނެފައިވެއެވެ. މި ނޫންގޮތަކަށް މިކަން އޮތްކަމަށް ބުނެ ދައުލަތުން ރައްދުދީފައި ނުވެއެވެ.

އެއްބަސްވުން ބާޠިލު ކުރެވޭނެ އިތުރު ޙާލަތެއް ހަތަރު ވަނަ އެޑެންޑަމްގެ 11 ވަނަ މާއްދާއިން އުފަންވެގެން އާދޭތޯ ބެލުން

އެއްބަސްވުން ބާޠިލް ކުރުމުގެ ޙައްޤު ކުއްޔަށްދޭ ފަރާތަށް ލިބިދެވޭ ޙާލަތްތައް ކަމަށް އެއްބަސްވުމުގެ 23 ވަނަ މާއްދާގައި ބަޔާންވެގެންވާ 5 ޙާލަތުގެ އިތުރުން، 6 ވަނަ ޙާލަތެއް، ހަތަރު ވަނަ އެޑެންޑަމްގެ 11 ވަނަ މާއްދާއިން އުފަންކޮށްފައިވާ ކަމަށް ދައުލަތުން ބުނެފައިވާއިރު، ހަތަރު ވަނަ އެޑެންޑަމްގެ 11 ވަނަ މާއްދާގައި ސަރީޙަ ޢިބާރާތުން އެވާހަކަ ބަޔާންވެފައި ނުވެއެވެ.

އެއްބަސްވުމުގެ 23 ވަނަ މާއްދާ ގެ ޕެރެގެރާފް (i) ގައި ބުނެފައިވަނީ؛

the Lessor may terminate this Agreement, in any of the following circumstances.”..”

މިފަދައިންނެވެ. އެއަށްފަހު ބަޔާންކޮށްފައިވަނީ އެ މާއްދާގެ ދަށުން ކުއްޔަށް ދޭފަރާތަށް އެއްބަސްވުން ބާޠިލު ކުރެވޭނެ 5 ޙާލަތެވެ. މިފަދައިން ބަޔާންވެގެންވާއިރު ހަތަރު ވަނަ އެޑެންޑަމްގެ 11 ވަނަ މާއްދާގެ މަޤްޞަދަކީ އެއްބަސްވުމުގެ 23 ވަނަ މާއްދާ ގެ ޕެރެގެރާފް (i) ގައި ބުނެފައިވާ ޙާލަތްތަކަށް ޙާލަތެއް އިތުރު ކުރަން ކަމަށް ވަނީނަމަ، އެއްބަސްވުމުގެ 23 ވަނަ މާއްދާ އިސްލާޙު ކުރާ ވާހަކަ ސަރީޙަ ނައްޞުން ބަޔާން ނުކުރަންވީ ސަބަބެއް ނެތެވެ.

އެއްބަސްވުމުގެ 23 ވަނަ މާއްދާއާއި ހަތަރު ވަނަ އެޑެންޑަމްގެ 11 ވަނަ މާއްދާ އެކުއެކީގައި ކިޔުމުން، ހަތަރު ވަނަ އެޑެންޑަމްގެ 11 ވަނަ މާއްދާއިން އެއްބަސްވުމުގެ 23 ވަނަ މާއްދާގެ ޕެރެގެރާފް (i) ގައި ބުނެފައިވާ ޙާލަތްތަކަށް ޙާލަތެއް އިތުރުވާކަން ދޭހަ ނުވެއެވެ. އަދި އެފަދަ މާނަ ކުރުމަކަށް ދެވޭނެ ހަރުދަނާ އަސާސެއް ފެންނަންނެތެވެ.

ހަތަރު ވަނަ އެޑެންޑަމްގެ 11 ވަނަ މާއްދާ ދެގޮތަށް މާނަ ކުރުމުގެ ޖާގަ ނެތުމުން، ކޮންޓްރާ ޕްރޮފެރެންޓަމް ގެ މަބްދައު މިމައްސަލައިގައި ތަޠުބީޤު ކުރަންޖެހޭ ތަނެއް ނެތްކަން ފާހަގަކުރެވެއެވެ.

ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 20 ވަނަ މާއްދާގެ (ހ) ގައި ބަޔާންވެގެންވަނީ، ކޮންޓެރެކްޓެއްގެ ބައިވެރިއެއްގެ މައްޗަށް ލާޒިމްވާ ކަންތައްތައް ކުރަންވާނީ، އެ ކޮންޓްރެކްޓްގައިވާ ޝަރުޠުތަކާއި އެއްގޮތްވާ ގޮތުގެމަތިންނެވެ. މިއާ ޚިލާފު ގޮތަކަށް ޢަމަލުކުރެވޭނީ، އެ ކޮންޓްރެކްޓްގެ އަނެއް ބައިވެރިޔާ، އޭނާގެ މައްޗަށް ލާޒިމުވާ ކަމަކަށް ދުލެއް ދީފިނަމައެވެ.

ހަތަރު ވަނަ އެޑެންޑަމްގެ 8 ވަނަ މާއްދާއާއި ޚިލާފުވުމުން، އިސްތިއުނާފު ކުރާ ފަރާތަށް އެއްބަސްވުން ނިމުމަކަށް ގެނެވޭނީ އެއްބަސްވުމުގެ 26 ވަނަ މާއްދާގައި ބުނާ އިޖުރާއާތު ފުރިހަމަ ކުރުމަށްފަހު އެއްބަސްވުމުގެ 23 ވަނަ މާއްދާގެ ޕެރެގެރާފް (i) ގެ (c) ދަށުންކަން އެއްބަސްވުމުން އެގެން އޮތްއިރު، އިސްތިއުނާފު ކުރާފަރާތުން ޢަމަލުކޮށްފައިވަނީ އެގޮތަށް ކަމަށް ނުވާތީ، އިސްތިއުނާފު ކުރާ ފަރާތުން ޢަމަލުކޮށްފައިވަނީ ކޮންޓްރެކްޓާއި ބެހޭ ޤާނޫނުގެ 20 ވަނަ މާއްދާގެ (ހ) ގައި ބަޔާންވެގެންވާ ގޮތާއި ޚިލާފަށްކަން ފާހަގަކުރެވެއެވެ.

އެއްބަސްވުމުގެ މުއްދަތު އިތުރު ކުރުމުގެ ފުރުސަތު ދައުލަތުން ދީފައިވުން

ހައިކޯޓުގައި މި މައްސަލަ ހިނގަމުން ދަނިކޮށް، އެއްބަސްވުމުގެ މުއްދަތު 50 އަހަރަށް އިތުރުކުރުމަށް ދައްކަންޖެހޭ ފައިސާ ޖޭ.އެޗް ރިޒޯޓްސްގެ ފަރާތުން ދެއްކުމުން، އެއްބަސްވުމުގެ މުއްދަތު އިތުރުކުރުމަށްޓަކައި އެއްބަސްވުމަށް އިސްލާހު ގެނެވޭނެކަމަށް ބުނެ ދައުލަތުން، ޖޭ.އެޗް ރިޒޯޓްސްއަށް ސިޓީ ފޮނުވާފައި ވެއެވެ. ބުނެވިދިޔަ މުއާމަލާތާމެދު ހައިކޯޓުގައި ދެފަރާތުން ދެއްކި ވާހަކައިގައި، އެކަން އެގޮތަށް ހިނގާފައިވާކަމަށް ދައުލަތުގެ ފަރާތުން އިންކާރު ނުކުރާކަމަށްވެސް ހައިކޯޓުގެ ގަޟިއްޔާގައި ފާހަގަކޮށްފައިވެއެވެ.

އިސްތިއުނާފީ ދެވަނަ ނުކުތާ

އިސްތިއުނާފީ ދެވަނަ ނުކުތާއަކީ، ޖޭ.އެޗް ރިޒޯޓްސްގެ ފަރާތުން ހަތަރު ވަނަ އެޑެންޑަމުގައި ލާޒިމުކުރާ ގޮތަށް ފައިނޭންޝަލް ޑޮކިއުމެންޓޭޝަން ހުށަނާޅާކަމުގެ މައްޗަށް ހައިކޯޓުގެ ގަޟިއްޔާ ނިންމުމުގައި ރިއާޔަތްކޮށްފައި ނުވުމެވެ. ޖޭ.އެޗް ރިޒޯޓްސްގެ ފަރާތުން ވާނީ ފައިނޭންޝަލް ޑޮކިއުމަންޓޭޝަން ހުށަހަޅާފައި ކަމަށާއި، ދައުލަތުން ބުނަމުން ގެންދިޔައީ، އެއީ ފޯޖުކޮށްފައިވާ އެއްޗެއްކަމަށާއި، ނަމަވެސް އެކަމާ ގުޅޭގޮތުން ފުލުހުން ކޮށްފައިވާ ތަހުގީގުގައިވެސް ފޯޖަރީގެ އެއްވެސް ހެއްކެއް ފެންނަން ނެތްކަމަށް ނިންމާފައިވާކަމަށް ޖޭ.އެޗް ރިޒޯޓްސްގެ ފަރާތުން ބުނެފައިވެއެވެ. މި މައްސަލައިގައި ޖޭ.އެޗް ރިޒޯޓްސްގެ ފަރާތުން ބުނަމުން ގެންދިޔައީ، ފައިނޭންޝަލް ޑޮކިއުމެންޓޭޝަން ހުށަނާޅާކަމަށް ބަހުސްގެ ބޭނުމަށް ބެލިނަމަވެސް، ލީސް އެގްރީމަންޓް ބާތިލުކުރުމުގައި ދައުލަތުގެ ފަރާތުން އަމަލުކޮށްފައިވަނީ އެއްބަސްވުން ބާތިލުކުރުމަށް އެ އެއްބަސްވުމުގައި ކަނޑައަޅާފައިވާ އިޖުރާއަތާ ޚިލާފަށްކަމަށެވެ. މުޅި މައްސަލައިގެ ތިން މަރުޙަލާގައި ވެސް ދެ ފަރާތުގެ ޖަދަލު ބިނާވެފައިވަނީ އެކަމުގެ މައްޗަށްކަން ފާހަގަކުރެވެއެވެ.

ހުށަހަޅާފައިވާ ލިޔެކިއުންތަކަށް ބެލުމުން ފޯޖުކޮށްފައި އޮތް ޑޮކިއުމަންޓެއް ހުށަހެޅިކަން އެނގޭކަށް ނެތްކަން ފާހަގަކުރެވެއެވެ. އަދި ފައިނޭންޝަލް ޑޮކިޔުމަންޓޭޝަން ހުށަނާޅާ ކަމަށް ބަޙުސްގެ ބޭނުނަށް ބަލާނަމަ، މި މައްސަލައިގައި ބަލަން މިޖެހެނީ އެއާ ވިދިގެން ދައުލަތުން ފުރިހަމަ ކުރަންޖެހޭ ކަންކަން ފުރިހަމަ ކޮށްފައިވޭތޯ ނުވަތަ ނޫންތޯއެވެ. ހައިކޯޓާއި ސުޕްރީމް ކޯޓުގައި ދެފަރާތުގެ ބަހުސް ބިނާވެފައިވަނީ އެކަމުގެ މައްޗަށެވެ. ސުޕްރީމް ކޯޓުން ގޮތެއް ނިންމަން މިޖެހެނީ ވެސް އެކަމާ މެދުއެވެ.

އިސްވެ ބަޔާންވެދިޔަ ކަންކަން އެގޮތަށް ހުރުމުން، ހަތަރު ވަނަ އެޑެންޑަމްގެ 8 ވަނަ މާއްދާއާ ޚިލާފުވުމުން، އިސްތިއުނާފު ކުރާ ފަރާތަށް އެއްބަސްވުން ނިމުމަކަށް ގެނެވޭނީ އެއްބަސްވުމުގެ 26 ވަނަ މާއްދާގައި ބުނާ އިޖުރާއާތު ފުރިހަމަ ކުރުމަށްފަހު، އެއްބަސްވުމުގެ 23 ވަނަ މާއްދާގެ ޕެރެގެރާފް (i) ގެ (c) ދަށުންކަން، އެއްބަސްވުމާއި ހަތަރު ވަނަ އެޑެންޑަމުން އެގެން އޮތްއިރު، އިސްތިއުނާފު ކުރާފަރާތުން ޢަމަލު ކޮށްފައިވަނީ އެގޮތަށް ކަމަށް ނުވާތީ، ސިވިލް ކޯޓާއި ހައިކޯޓުގެ ނިންމުމަށް ބަދަލު ގެންނަން ޖެހޭތަނެއް ނެތްކަމަށް އަހުރެންނަށް ބުރަވެވެއެވެ.

ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ ރައުޔުމި މައްސަލައިގައި ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްގެ ރައުޔުމި މައްސަލައިގައި ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

ޙުކުމް

ދެންފަހެ، އިސްވެ ބަޔާން ވެދިޔަ ސަބަބުތައް އެ ގޮތުގެމަތިން ހުރުމާއެކު، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HC-A/195 ޤަޟިއްޔާއިން ކޮށްފައިވާ ޙުކުމަކީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ ޚިލާފަށް ކޮށްފައިވާ ޙުކުމެއް ކަމަށް ބެލެވޭނެ އެއްވެސް ސަބަބެއް ނެތުމުން، ހައިކޯޓުގެ ނަންބަރު 2016/HC-A/195 ޤަޟިއްޔާއިން ކޮށްފައިވާ ޙުކުމަށް ތާޢީދުކޮށް، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި ޤަޟިއްޔާ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމް ކޮށްފީމެވެ.

މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ:

އަޒްމިރާލްދާ ޒާހިރުޢަލީ ރަޝީދު ޙުސައިންމުޙައްމަދު އިބްރާހީމް(ރިޔާސަތު)

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ޝެއަރ ކުރައްވާ