މީޑިއާނެޓް ޕްރައިވެޓް ލިމިޓެޑް ވ. މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ
ޚުލާޞާ
ޚުލާޞާ ނެތް.
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- —
- ފަހުގެ ތާރީޚު
- —
ނިންމުން
—
ކޯ ޓާމްސް
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
މި ލިޔުމުން އުޞޫލެއް ނުނެގުނު.
ފަނޑިޔާރުން
- ބެންޗު
- —
- ޚިލާފު ރައުޔު
- ނެތް
ޝަރީޢަތުގެ ވީޑިއޯ
ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު
2020/SC-A/83
ޝަރީޢަތް ނިމުނުގޮތް
މީޑިއާނެޓް ޕްރައިވެޓް ލިމިޓެޑް ވ. މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ
ފަނޑިޔާރުންގެ މަޖިލިސް
ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުނިމުނު ތާރީޚު
04 މާރިޗު 2021އިސްތިއުނާފު ކުރެވުނު ޤަޟިއްޔާ
2018/HC-A/422
އިސްތިއުނާފު ރައްދުވާ ފަރާތް
އިސްތިއުނާފުކުރާ ފަރާތް
މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ
މީޑިއާނެޓް ޕްރައިވެޓް ލިމިޓެޑް
ބަދަލުގައި: އާމިނަތު ނާއިފާ
މޫސާ ޙަލީމް
މުޙައްމަދު ޢަލީ ވަޙީދު، ރިޒްލާ، ގދ. މަޑަވެލި ވަކީލު: މުޙައްމަދު ޝަހުދީ އަންވަރު، އެސް އެންޑް އޭ ލޯޔަރަސް އެލް.އެލް.ޕީ
މަދަނީ - ޤާނޫނު ނަންބަރު 5/2011 (ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ޤާނޫނު) ގެ 6 ވަނަ މާއްދާގެ (ހ) ގެ (1) – ވިތްހޯލްޑިންގ ޓެކްސް – ޗެނަލް ލައިސެންސިންގ ފީ – ބްރޯޑްކާސްޓިންގ ރައިޓްސް ފީ – ޤާނޫނު ނަންބަރު 2010/3 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) ގެ 44 ވަނަ މާއްދާ – ޤާނޫނު ނަންބަރު 2011/4 (މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނު) ގެ 8 ވަނަ މާއްދާ
މީޑިއާނެޓް ޕްރައިވެޓް ލިމިޓެޑް ވ. މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ
SC 05[2021]
ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމް (ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު އަދި ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދު ތާއީދު ކުރައްވާފައި)
ތަޢާރުފު
މިއީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2018/HC-A/422 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށްޓަކައި މީޑިއާނެޓް ޕްރައިވެޓް ލިމިޓެޑް (ކުންފުނި ރަޖިސްޓްރޭޝަން ނަންބަރުC-349/2005) (މީގެ ފަހުން "މީޑިއާނެޓް" ނުވަތަ "އިސްތިއުނާފު ކުރާ ފަރާތް" މިހެން އިޝާރާތް ކޮށްފައިވާ) ގެ ފަރާތުން މި ކޯޓަށް ހުށަހެޅުމުން މި ކޯޓުގެ ނަންބަރު 2020/SC-A/83 ޤަޟިއްޔާއިން ބެލި އިސްތިއުނާފީ މައްސަލައެކެވެ. މި ޤަޟިއްޔާގައި އިސްތިއުނާފު ރައްދުވަނީ މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީގެ ފަހުން "މީރާ" ނުވަތަ "އިސްތިއުނާފު ރައްދުވާ ފަރާތް" މިހެން އިޝާރާތް ކޮށްފައިވާ) ގެ މައްޗަށެވެ.
މައްސަލައިގައި ކަން ހިނގާ ދިޔަ ގޮތް
ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ޤާނޫނުގެ (މީގެ ފަހުން "ބީ.ޕީ.ޓީ" ޤާނޫނު) ދަށުން، ޤާނޫނާއި ގަވާއިދާ އެއްގޮތަށް ވިޔަފާރީގެ ފައިދާއިން ޓެކްސް (މީގެ ފަހުން "ވިތްހޯލްޑިންގ ޓެކްސް") ހިސާބުކޮށް ދައުލަތަށް ހަމައަށް ދައްކާފައިވޭތޯ ބެލުމަށްޓަކައި މީރާގެ ފަރާތުން މީޑިއާނެޓްގެ ޓެކްސް އޮޑިޓެއް ކުރިއެވެ.
މި އޮޑިޓުން ފާހަގަކުރެވުނީ 01 އޮކްޓޫބަރު 2013 އިން 30 ސެޕްޓެންބަރު 2014 އާ ދެމެދު ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިނުވާ ފަރާތްތަކަށް މީޑިއާނެޓުން ޗެނަލް ލައިސެންސިންގ ފީ ނުވަތަ ބްރޯޑްކާސްޓިން ފީ ދައްކާފައިވާ ކަމަށާއި، މި ފައިސާ އާ ގުޅޭގޮތުން، ބީ.ޕީ.ޓީ ޤާނޫނުގެ 6 ވަނަ މާއްދާގެ ދަށުން މީޑިއާނެޓުގެ ފަރާތުން ވިތްހޯލްޑިންގ ޓެކްސް ދައްކަންޖެހޭ ކަމުގައެވެ. އެގޮތުން ވިތްހޯލްޑިންގ ޓެކްސްގެ ގޮތުގައި 7,815,969/-ރ. (ހަތްމިލިއަން އަށްލައްކަ ފަނަރަހާސް ނުވަސަތޭކަ ފަސްދޮޅަސް ނުވައެއް) ރުފިޔާ އަކީ މީޑީއާނެޓުން ދައްކަންޖެހޭ ފައިސާ ކަމަށް ކަނޑައަޅައި މީރާގެ ފަރާތުން ނޯޓިސް އޮފް ޓެކްސް އެސެސްމެންޓެއް ފޮނުވިއެވެ.
ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ ދަށުން މީޑިއާނެޓުން އިސްވެ ޙަވާލާދެވުނު ނޯޓިސް އޮފް ޓެކްސް އެސެސްމެންޓަށް މީޑިއާނެޓުގެ ފަރާތުން 06 އޮކްޓޫބަރު 2016 ގައި އިއުތިރާޒުކުރިއެވެ. މީޑިއާނެޓުގެ ފަރާތުން އެ ނޯޓިސް އިއުތިރާޒުކުރާ ސަބަބެއް ކަމުގައި ބަޔާންކޮށްފައިވަނީ ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ޤާނޫނުގެ ދަށުން ވިތްހޯލްޑިންގ ޓެކްސްގެ ގޮތުގައި ދެއްކުމަށް މީރާއިން ކަނޑައަޅާފައިވާ 7,815,969/-ރ. (ހަތްމިލިއަން އަށްލައްކަ ފަނަރަހާސް ނުވަސަތޭކަ ފަސްދޮޅަސް ނުވައެއް) ރުފިޔާގެ ތެރެއިން 7,741,585/-ރ. (ހަތްމިލިއަން ހަތްލައްކަ ސާޅީސްއެއްހާސް ފަސްސަތޭކަ އަށްޑިހަ ފަހެއް) ރުފިޔާ އަކީ މީޑިއާނެޓުން ވިތްހޯލްޑިންގ ޓެކްސްގެ ގޮތުގައި ދައްކަންޖެހޭ ފައިސާއެއް ނޫން ކަމުގައެވެ. މީގެއިތުރުން، މީޑިއާނެޓުން ފާހަގަކޮށްފައިވަނީ މީޑިއާނެޓަށް ދައްކަން އަންގާފައިވާ ފައިސާއަކީ ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ޤާނޫނުގެ 6 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފައިސާގެ ބާވަތްތަކުގެ ތެރެއިން ކޮން ބާވަތެއްގެ ފައިސާއެއް ކަމެއް މީރާއިން ބަޔާންކޮށްފައި ނުވުމާއި، ޗެނަލް ލައިސަންސް ފީގެ ގޮތުގައި ދައްކާ ފައިސާއަކީ ބީ.ޕީ.ޓީ ޤާނޫނުގެ 6 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރު ގައި ބަޔާންކޮށްފައިވާ "އެނޫންވެސް މުދާ" އާ ގުޅިގެން ދައްކާ ފައިސާއެއް ކަމަށް މީރާއިން ދެކޭ ކަމުގައިވީ ނަމަވެސް، އެ އިބާރާތުގެ މާނައިގެ ތެރޭގައި ޗެނަލް ލައިސަންސް ފީ ހިމެނޭނެ ޤާނޫނީ އުސޫލެއް ނެތް ކަމުގައެވެ.
މީޑިއާނެޓުން ފޮނުވި އިއުތިރާޒާ މެދު މީރާއިން ނިންމިގޮތް 26 މާރިޗު 2017 ގައި މީޑިއާނެޓަށް އެންގިއެވެ. އެ ނިންމުމުގައި ބުނެފައިވަނީ ވިތްހޯލްޑިންގ ޓެކްސް ދެއްކުމަށް މީޑިއާނެޓަށް އަންގާފައިވަނީ ޤާނޫނާ ގަވާއިދާ އެއްގޮތަށް ކަމުގައިވުމުން މީރާގެ ނޯޓިސް އޮފް ޓެކްސް އެސެސްމެންޓަށް ބަދަލުގެންނާނެ ތަނެއް ނެތްކަމުގައެވެ. އެހެންނަމަވެސް، މީރާގެ ނިންމުމާމެދު ހިތްހަމަނުޖެހޭނަމަ، ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 44 ވަނަ މާއްދާގެ ދަށުން ޓެކްސް އެޕީލް ޓްރައިބިއުނަލުގައި އެ މައްސަލަ އިސްތިއުނާފުކުރެވިދާނެ ކަމަށާއި، އިސްތިއުނާފުކުރުމަށްޓަކައި ޓެކްސް ޤާނޫނެއްގެ ދަށުން ދައްކަންޖެހިފައިވާ އެއްވެސް ފައިސާއެއްވާނަމަ އެ ފައިސާއެއް ދެއްކުމަށް މީޑިއާނެޓަށް އެންގިއެވެ.
މީޑިއާނެޓުގެ ފަރާތުން މީރާގެ ނިންމުން އިސްތިއުނާފުކުރުމަށްޓަކައި 08 މޭ 2017 ގައި ޓެކްސް އެޕީލް ޓްރައިބިއުނަލަށް މައްސަލަ ހުށަހެޅިއެވެ. އަދި ޓެކްސް އެޕީލް ޓްރައިބިއުނަލަށް މައްސަލަ ހުށަހެޅި ފަހުން 10 މޭ 2017 ގައި މީރާގެ "ޓެކްސް ކްލިއަރެންސް ރިޕޯޓު" އިން މީޑީއާނެޓުގެ ފަރާތުން މީރާއަށް ދައްކަންޖެހޭ އެއްވެސް އައުޓްސްޓޭންޑިންގ ފައިސާއެއް ނެތްކަން އެނގެއެވެ. މީޑިއާނެޓުގެ ފަރާތުން ޓެކްސް އެޕީލް ޓްރައިބިއުނަލްގައި އިސްތިއުނާފުކުރި ނިންމުން އެ ޓްރައިބިއުނަލް އިން ބަލާފައިވަނީ އެ ޓްރައިބިއުނަލްގެ ނަންބަރު TAT-CA-W/2017/005 ނިންމުމުންނެވެ.
ޓެކްސް އެޕީލް ޓްރައިބިއުނަލް އިން މައްސަލަ ނިންމި ގޮތް
މީރާގެ ފަރާތުން ވިތްހޯލްޑިންގ ޓެކްސް ދެއްކުމަށް އަންގާފައިވާ އެންގުމަކީ ބީ.ޕީ.ޓީ ޤާނޫނުގެ 6 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރާއި ޚިލާފަށް އަންގާފައިވާ އެންގުމެއް ކަމަށާއި އެ އެންގުމަކީ ބާޠިލު އެންގުމެއް ކަމަށް ކަނޑައަޅައި ދިނުމަށް އެދި މީޑިއާނެޓުގެ ފަރާތުން ޓެކްސް އެޕީލް ޓްރައިބިއުނަލަށް މައްސަލަ ހުށަހެޅުމުން އެ ޓްރައިބިއުނަލުން އެ މައްސަލަ ބަލާ ނިންމާފައިވަނީ، ވިތްހޯލްޑިންގ ޓެކްސްގެ ގޮތުގައި މީޑިއާނެޓުގެ ފަރާތުން ދައްކާފައިވާ ފައިސާ އަކީ މީރާއިން އަނބުރާ މީޑިއާނެޓަށް ރައްދުކުރަންޖެހޭ ފައިސާއެއް ކަމުގައެވެ. ޓެކްސް އެޕީލް ޓްރައިބިއުނަލް އިން މިގޮތަށް ނިންމާފައިވަނީ އަންނަނިވި ސަބަބުތަކުގެ މައްޗަށް ބުރަވެއެވެ.
(ހ) ބީ.ޕީ.ޓީ ޤާނޫނުގެ 6 ވަނަ މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ "... ޕްލާންޓް، މެޝިނަރީ، އިކިއުޕްމަންޓް އަދި އެނޫންވެސް މުދާ ބޭނުންކުރުމަށް ދައްކަންޖެހޭ ކުލި، ރޯޔަލްޓީ ނުވަތަ އެނޫންވެސް އެފަދަ ފައިސާ" މި އިބާރާތުގައި ހިމެނޭ ވަކިވަކި ބަސްބަސް، އަދި އިޖްމާލީކޮށް މުޅި ޖުމްލަވެސް، މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނުގެ 8 ވަނަ މާއްދާގެ (ހ) އަދި (ނ) އާއި، 3 ވަނަ މާއްދާގެ (ހ)، (ށ)، (ނ) އަދި (ރ) އާއި، 12 ވަނަ މާއްދާގެ (ޅ) ގެ އަލީގައި ތަޙްލީލުކުރާއިރު، އަދި ޝަރުޢީ ނަޒަރުން ނަޒަރު ކުރާއިރުވެސް، އެ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައި ސާދާ ބަހުން ނައްޞު ކޮށްފައިވާ މާނަ ފިޔަވައި އިތުރު މާނައެއް ދޭހަނުވާކަން؛
(ށ) ބީ.ޕީ.ޓީ ޤާނޫނުގެ 6 ވަނަ މާއްދާގެ (1) ވަނަ ނަންބަރުގައި ބުނާ ކުލި، އަދި ރޯޔަލްޓީއަކީ ޕްލާންޓް، މެޝިނަރީ، އިކިއުޕްމަންޓް ފަދަ އެ ނޫންވެސް އެ ބާވަތުގެ މުދާ ބޭނުންކުރުމަށް ދައްކަންޖެހޭ ކުލި ނުވަތަ ރޯޔަލްޓީ ކަމާއި، އަދި އެ އިބާރާތުގެ ފަހަތަށް ބޭނުންކޮށްފައިވާ "ނުވަތަ އެނޫންވެސް އެފަދަ ފައިސާ" ގެ މުރާދަކީ ކުލި، ރޯޔަލްޓީ ނުވަތަ ފީ އެފަދަ ކޮންމެ ނަމެއްކީ ނަމަވެސް އެ މާއްދާގެ އެ އަކުރުގައި ބުނެފައިވާފަދަ ބާވަތުގެ މުދާ ބޭނުންކުރުމަށް ދައްކަންޖެހޭ ފައިސާކަމަށް އޮޅުމެއް ނެތް މިންވަރަށް ސާފުވާކަން؛
(ނ) ބީ.ޕީ.ޓީ ޤާނޫނުގެ 6 ވަނަ މާއްދާގެ (1) ވަނަ ނަންބަރުގައި ބުނާ "ރޯޔަލްޓީ" ނުވަތަ "އެނޫންވެސް އެފަދަ ފައިސާ" މިފަދަ ބަސްތަކަށް އެ މާއްދާއިން ނައްޞުކޮށްދޭ ސާދާ މާނަ ފިޔަވައި އިންފިރާދީ ވަކި މާނަތަކެއް ދޭން މަސައްކަތްކުރުމަކީ މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނުގެ 8 ވަނަ މާއްދާގެ (ހ) އާއި (ނ) އާއި ޚިލާފަށް އަދި ޖުމްލަކޮށް މުޅި އެ މާއްދާއާ ޚިލާފަށް އޭގެއިތުރުން އެ ޤާނޫނުގެ 12 ވަނަ މާއްދާގެ (ޅ) ގައި ބަޔާންކޮށްފައިވާ އުޞޫލާ ޚިލާފަށް ކުރެވޭ ކަމެއްކަން.
އެހެންކަމުން، މި ސަބަބުތަކަށްޓަކައި ޓެކްސް އެޕީލް ޓްރައިބިއުނަލް އިން ނިންމާފައިވަނީ، މީރާގެ ފަރާތުން ވިތްހޯލްޑިންގ ޓެކްސް ދެއްކުމަށް އަންގާފައިވާ އެންގުމަކީ ބީ.ޕީ.ޓީ ޤާނޫނުގެ 6 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރާއި ޚިލާފަށް އަންގާފައިވާ އެންގުމެއް ކަމަށާއި، މީރާގެ އިއުތިރާޒުކުރި މައްސަލަ ނިމުނުގޮތުގެ ރިޕޯޓުން ނިންމާފައިވާ ނިންމުން ރަނގަޅު ނޫންކަމަށް ޓެކްސް އެޕީލް ޓްރައިބިއުނަލް މެންބަރުންގެ އަޣުލަބިއްޔަތުން ފެންނަ ކަމަށާއި، ވިތްހޯލްޑިންގ ޓެކްސްގެ ގޮތުގައި މީޑިއާނެޓުގެ ފަރާތުން ދައްކާފައިވާ 7,741,585/-ރ. (ހަތް މިލިއަން ހަތްލައްކަ ސާޅީސްއެއްހާސް ފަސްސަތޭކަ އަށްޑިހަ ފަހެއް) ރުފިޔާ އަކީ މީރާއިން އަނބުރާ މީޑިއާނެޓަށް ރައްދުކުރަންޖެހޭ ފައިސާއެއް ކަމުގައެވެ.
ދިވެހިރާއްޖޭގެ ހައިކޯޓުން މައްސަލަ ނިންމިގޮތް
މީރާގެ ފަރާތުން ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ނިންމުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރިއެވެ. ދިވެހިރާއްޖޭގެ ހައިކޯޓަށް މީރާގެ ފަރާތުން މި މައްސަލަ އިސްތިއުނާފުކުރަމުން ބުނެފައިވަނީ ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ނިންމުމުގައި، ބީ.ޕީ.ޓީ ޤާނޫނުގެ 6 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރު މާނަކޮށްފައިވަނީ ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ޤާނޫނާއި މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނާއި ޚިލާފަށް ކަމުގައެވެ.
ދިވެހިރާއްޖޭގެ ހައިކޯޓުން އެ ކޯޓުގެ ނަންބަރު 2018/HC-A/422 ޤަޟިއްޔާގައި މި މައްސަލަ ބަލާ ނިންމާފައިވަނީ ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ނިންމުން ބާޠިލުކޮށެވެ. ދިވެހިރާއްޖޭގެ ހައިކޯޓުން އެ ނިންމުމަށް ވާސިލުވީ އަންނަނިވި ސަބަބުތަކުގެ މައްޗަށް ބުރަވެއެވެ.
(ހ) ބީ.ޕީ.ޓީ ޤާނޫނުގައި "ރޯޔަލްޓީ" މާނަކޮށްފައިވަނީ އެ ޤާނޫނުގެ 43 ވަނަ މާއްދާގެ (ހ) ގައި އެކަނިކަން އެނގެން އޮންނަ ކަމަށާއި، އެހެނިހެން ޤަޟާއީ ނިޒާމުތަކާއި އޯއީސީޑީ މޮޑެލް ކޮންވެންޝަނާއި އަދި އިތުބާރުހުރި ރަދީފުތަކުގައި ރޯޔަލްޓީ މާނަކޮށްފައިވަނީ ޣައިރު މާއްދީ މުދަލުގެ މުޤާބިލުގައި ދައްކާ އެއްޗަކަށް ނިސްބަތްކޮށްގެން ކަން އެނގެން އޮތުމުން، ބީ.ޕީ.ޓީ ޤާނޫނުގެ 6 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައި "ރޯޔަލްޓީ" ހިމެނުމުގައި ރައްޔިތުންގެ މަޖިލީހުގެ މަޤްޞަދަކީ ޣައިރު މާއްދީ މުދަލެއް ކަމުގައި ބަޔާންކޮށްދިނުންކަން؛
(ށ) ބީ.ޕީ.ޓީ ޤާނޫނުގެ 6 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ "އެނޫންވެސް މުދާ" މާނަކުރުމުގައި ތަޠުބީޤު ކުރަންޖެހޭނީ މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނުގެ 17 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދައިން އެ ޤާނޫނެއް އެކުލަވާލި މަޤްޞަދަށް، ނުވަތަ ޤާނޫނުން ޙާޞިލުކުރަން ބޭނުންވާ އަމާޒުތައް ޙާޞިލުވާނޭގޮތަށް ޤާނޫނު މާނަކުރުމަށް އިސްކަންދީގެންކަމާއި، ބީ.ޕީ.ޓީ ޤާނޫނުގެ 6 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ "ރޯޔަލްޓީ" ޤާނޫނުގައި މާނަކޮށްފައިވަނީ ޣައިރު މާއްދީ މުދާ (Intangible asset) ހިމެނޭ ގޮތަށް ކަމުން، ބީ.ޕީ.ޓީ ޤާނޫނުގެ 6 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ "އެނޫންވެސް މުދާ" ގެ ގިންތީގެ ތެރޭގައިވެސް އެނޫންވެސް މުދަލުން ރޯޔަލްޓީ ނެގުމަށް ޣައިރު މާއްދީ މުދާ (Intangible asset) ހިމެނުން އެއީ ރައްޔިތުންގެ މަޖިލީހުގެ މަޤްޞަދުކަން އެނގެން އޮންނަކަން.
އެހެންކަމުން، މި ސަބަބުތަކަށްޓަކައި ދިވެހިރާއްޖޭގެ ހައިކޯޓުން މި މައްސަލަ ނިންމާފައިވަނީ، ބީ.ޕީ.ޓީ ޤާނޫނުގެ 6 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރު ޓެކްސް އެޕީލް ޓްރައިބިއުނަލް އިން މާނަކޮށްފައިވަނީ މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނާ ޚިލާފަށް ކަމުގައެވެ.
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ކުރެވުނު އިސްތިއުނާފު
ދިވެހިރާއްޖޭގޭ ހައިކޯޓުގެ ނަންބަރު 2018/HC-A/422 ޤަޟިއްޔާ ނިންމާފައިވަނީ ޤާނޫނީ ނުވަތަ ޝަރުޢީ އުޞޫލުތަކާ ޚިލާފަށް ކަމަށް ބުނެ މި ޤަޟިއްޔާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މީޑިއާނެޓްގެ ފަރާތުން އިސްތިއުނާފު ކުރަމުން ހުށަހެޅި މައިގަނޑު ނުކުތާއަކީ ހައިކޯޓުގެ ނަންބަރު2018/HC-A/422 ޤަޟިއްޔާގެ ނިންމުމުގައި ބީ.ޕީ.ޓީ ޤާނޫނުގެ 6 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރު މާނަކޮށްފައިވަނީ ބީ.ޕީ.ޓީ ޤާނޫނާއި މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނުގެ 3 ވަނަ މާއްދާގެ (ހ) އާއި 8 ވަނަ މާއްދާގެ (ހ) އަދި 17 ވަނަ މާއްދާއާއި، ސުޕްރީމް ކޯޓުގެ މޫސާ ނަޞީރު ވ. މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ ޤަޟިއްޔާގެ ނިންމުމާ ޚިލާފަށް ކަމުގައެވެ.
އިސްތިއުނާފު ކުރެވިފައިވާ މައްސަލައިގައި ޙުޞޫމާތު އުފެދިފައިވަނީ ބީ.ޕީ.ޓީ ޤާނޫނުގެ 6 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރު މާނަކުރުމާގުޅޭ ގޮތުންނެވެ. މި ޚުޞޫމާތާ ގުޅިގެން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މީޑިއާނެޓް ޕްރައިވެޓް ލިމިޓެޑް ވ. މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ ޤަޟިއްޔާގައި ވަނީ ގޮތެއް ކަނޑައަޅާފައެވެ. އެހެންކަމުން، މި މައްސަލައިގެ ޝަރީޢަތުގައި މީޑިއާނެޓުގެ ފަރާތުން އެދިފައިވަނީ އިސްތިއުނާފުކުރެވިފައިވާ މި މައްސަލަ އިސްވެ ދެންނެވުނު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޤަޟިއްޔާއަށް ތަޠުބީޤުކޮށް މައްސަލަ ނިންމައި ދިނުމަށެވެ. އަދި އިސްވެ ދެންނެވުނު ގޮތަށް މި ނުކުތާއާ މެދު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ގޮތެއް ކަނޑައެޅިފައިވުމާއެކު މީރާގެ ފަރާތުންވެސް ޝަރީޢަތުގައި ބުނެފައިވަނީ މިހާރު މި މައްސަލައިގައި ޚުޞޫމާތެއް ނެތް ކަމުގައެވެ.
މީޑިއާނެޓް ޕްރައިވެޓް ލިމިޓެޑް ވ. މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ [2016/SC-A/23] ޤަޟިއްޔާ ތަޠުބީޤުކުރުން
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މީޑިއާނެޓް ޕްރައިވެޓް ލިމިޓެޑް ވ. މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ ޤަޟިއްޔާގައި ބީ.ޕީ.ޓީ ޤާނޫނުގެ 6 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރު ވަނީ މާނަ ކޮށްދީފައެވެ. އެގޮތުން އެ ޤަޟިއްޔާގައި ބީ.ޕީ.ޓީ ޤާނޫނުގެ 6 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގެ ޢާންމު މާނައަކީ އެ އަކުރުގެ ދަށުން އެއްވެސް ޕްލާންޓް، މެޝިނަރީ، އިކުއިޕްމަންޓް އަދި އެނޫންވެސް މުދަލަކާ ގުޅޭ ރޯޔަލްޓީއަކަށް ކަމަށް އިޝަރާތް ކުރަނީ އެ އަކުރުގެ ހިމެނިފައިވާ ބާވަތުގެ މާއްދީ މުދަލެއްގެ ރޯޔަލްޓީއަށް ކަމަށް ބެލެވޭ ކަމުގައެވެ. އަދި އެ އަކުރުގައި ހިމެނޭ "އެނޫންވެސް މުދާ" ގެ ތެރޭގައި ޗެނަލް ލައިސަންސިންގ ފީ ނުވަތަ ބްރޯޑްކާސްޓިންގ ރައިޓްސް ފީ ގިންތި ކުރެވޭނެ ޤާނޫނީ ހަމައެއް އޮތްކަމަކަށް ޤަބޫލުނުކުރެވޭ ކަމަށާއި، ބީ.ޕީ.ޓީ ޤާނޫނުގެ 6 ވަނަ މާއްދާގެ (ހ) ގެ ދެންހުރި ބައެއް ނަންބަރުތަކުގައި ރޯޔަލްޓީ ނެގިދާނެ ފިކުރީ މުދަލުގެ ޙައްޤު ހިމެނިގެންވާ އެހެނިހެން ތަކެތި ހިމެނިފައިވާތީ، ޕްލާންޓް، މެޝިނަރީ، އިކުއިޕްމަންޓް ބަޔާންކުރުމަށްފަހު، "އެނޫންވެސް މުދާ" ކަމަށް ބުނަނީ މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނުގެ 8 ވަނަ މާއްދާގައިވާ ގޮތުގެ މަތިން އެ ގިންތީގައި ހިމެނޭނެ އެފަދަ މާއްދީ މުދަލަކަށްވާތީ ކަމުގައި ބަޔާންކޮށްފައިވެއެވެ.
މީޑިއާނެޓް ޕްރައިވެޓް ލިމިޓެޑް ވ. މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ ޤަޟިއްޔާގައި މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނުގެ 8 ވަނަ މާއްދާގެ (ހ) އަށް ރިޢާޔަތްކުރުމާއެކު، ބީ.ޕީ.ޓީ ޤާނޫނުގެ 6 ވަނަ މާއްދާގެ (ހ) ގެ (1) ގެ ދަށުން ޗެނަލް ލައިސަންސިންގ ފީ ނުވަތަ ބްރޯޑްކާސްޓިންގ ރައިޓްސް ފީއަށް ވިތްހޯލްޑިންގ ޓެކްސް ނުނެގޭނެކަމަށް ކަނޑައަޅާފައިވެއެވެ. މިގޮތަށް އިސްވެ ބަޔާންކުރެވުނު ޤަޟިއްޔާގައި ކަނޑައަޅާފައިވުމުމާއެކު، މި މައްސަލައިގައި ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ނިންމުމުގައި މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނަށް ރިޢާޔަތްކޮށް، ބީ.ޕީ.ޓީ ޤާނޫނުގެ 6 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގެ ދަށުން ޗެނަލް ލައިސެންސިންގ ފީ ނުވަތަ ބްރޯޑްކާސްޓިންގ ލައިސަންސް ފީގެ ގޮތުގައި ދިވެހިރާއްޖޭގައި ދިރިއުޅެމުން ނުގެންދާ ފަރާތަކަށް ދައްކާފައިވާ ވިތްހޯލްޑިންގ ޓެކްސް މީރާއަށް ނުނެގޭނެކަމަށް ކަނޑައަޅާފައިވަނީ ރަނގަޅަށް ކަމަށް އަހުރެންނަށް ޤަބޫލުކުރެވެއެވެ.
އިސްވެ ބުނެވުނު ކަންކަން އެގޮތުގެ މަތިން ހުރުމާއެކު، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2018/HC-A/422 ޤަޟިއްޔާ ނިންމާފައިވަނީ ޤާނޫނީ އުޞޫލުތަކާ އެއްގޮތަށް ނޫންކަމަށް އަހުރެން ދެކެމެވެ.
ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ ރައުޔު މި މައްސަލައިގައި ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔު
މި މައްސަލައިގައި ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ޙުކުމް
ދެންފަހެ، އިސްވެ ބަޔާންކުރެވުނު ކަންކަން އެގޮތުގެ މަތިން ހުރުމާއެކު، އިސްތިއުނާފުކުރެވުނު ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2018/HC-A/422 ޤަޟިއްޔާއިން ކޮށްފައިވާ ޙުކުމަކީ ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ކޮށްފައިވާ ޙުކުމެއް ކަމަށް ކަނޑައަޅައި، އެ ޙުކުމް ބާޠިލު ކުރުމާއެކު، ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ނަންބަރު TAT-CA-W/2017/005 ޤަޟިއްޔާގައި ނިންމާފައިވާ ނިންމުމަށް ތާއީދުކޮށް، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި ޤަޟިއްޔާ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމް ކޮށްފީމެވެ.
މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ:
އަޒްމިރާލްދާ ޒާހިރުމުޙައްމަދު އިބްރާހީމްޢާއިޝާ ޝުޖޫން މުޙައްމަދު(ރިޔާސަތު)
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.