ދިވެހިރާއްޖޭގެ މަތީ މަރުޙަލާގެ ކޯޓުތަކުން ކަނޑައަޅާފައިވާ ޤާނޫނީ އުޞޫލުތައް

Maldives Legal Precedents

Saeed Lex
2020/SC-AD/37ސުޕްރީމް ކޯޓު · 29 މޭ 2020 · ދުސްތޫރީ – ލޯކަލް ކައުންސިލަރުންގެ މުއްދަތު އިތުރުކުރުމާއި ޤާނޫނުއަސާސީ އިޞްލާޙުކުރުން

ރައްޔިތުންގެ މަޖިލިސް

ސުޕްރީމް ކޯޓުޤާނޫނު ނަންބަރު 22/2019 ގެ 4 ވަނަ މާއްދާ…
ފަހުގެ ޙުކުމެއްގައި ޙަވާލާދީފައެއް ނުފެނޭޙުކުމުގެ ހާލަތު
ސުޕްރީމް ކޯޓު · 29 މޭ 2020ބާވަތް: ދުސްތޫރީ

ޚުލާޞާ

ވާޤިޢާ
2017 ގައި 3 އަހަރަށް އިންތިޚާބުވި ކައުންސިލަރުންގެ މުއްދަތު 3 ޖޫން 2020 ގައި ހަމަވާއިރު، ކޮވިޑް-19 ގެ ސަބަބުން ލޯކަލް ކައުންސިލް އިންތިޚާބު ޤާނޫނު ނަންބަރު 3/2020 އިން ފަސްކުރެވުނެވެ. ކައުންސިލަރުން މަޤާމުގައި ދެމެހެއްޓުމަށް ޤާނޫނު ނަންބަރު 22/2019 ގެ 4 ވަނަ މާއްދާ އިޞްލާޙުކުރުމުގެ ބިލެއް ހުށަހެޅުމުން، ޤާނޫނުއަސާސީގެ 95 ވަނަ މާއްދާގެ ދަށުން ރައްޔިތުންގެ މަޖިލީހުން ސުޕްރީމް ކޯޓުގެ ލަފާ ހޯދިއެވެ.
ކޯޓުން ނިންމަން ޖެހުނު ސުވާލު
ކޮވިޑް-19 ގެ ސަބަބުން ލޯކަލް ކައުންސިލް އިންތިޚާބު ފަސްކުރުމުން، ކައުންސިލަރުންގެ މުއްދަތު ހަމަވުމަށްފަހު ދިމާވާ ޤާނޫނީ ހުސްކަން ޤާނޫނުއަސާސީއާ އެއްގޮތަށް ފޫބެއްދޭނީ ކިހިނެއްތޯ، އަދި ޤާނޫނުއަސާސީގެ 231 ވަނަ މާއްދާ އިޞްލާޙުނުކޮށް ޤާނޫނު ނަންބަރު 22/2019 ގެ 4 ވަނަ މާއްދާ އިޞްލާޙުކޮށްގެން ކައުންސިލަރުން މަޤާމުގައި ދެމެހެއްޓޭނެތޯ.
ކޯޓުގެ ސަބަބުތައް
މުއްދަތު ހަމަވުމުން ކައުންސިލަރުންނަށް ޤާނޫނީ ގޮތުން މަގާމުގައި ނުތިބެވޭނެއެވެ. ޤާނޫނުއަސާސީގައިވާ މުއްދަތެއް ބަދަލުކުރެވޭނީ 12 ވަނަ ބާބުގެ ދަށުން ޤާނޫނުއަސާސީ އިޞްލާޙުކޮށްގެން ކަމާއި، ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ހާލަތަކީ 267 ވަނަ މާއްދާއިން އިޞްލާޙު މަނާކުރާ ހާލަތެއް ނޫން ކަމާއި، 22/2019 ގެ 4 ވަނަ މާއްދާ އިޞްލާޙުކުރުމަކީ ޤާނޫނުއަސާސީ އިޞްލާޙުކުރުމެއް ނޫން ކަމުން، 231 ވަނަ މާއްދާ (ނުވަތަ 13 ވަނަ ބާބަށް އިންތިޤާލީ މާއްދާއެއް) އިޞްލާޙުކޮށްގެން މެނުވީ ހުސްކަން ފޫނުބެއްދޭނެއެވެ.

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
—
ފަހުގެ ތާރީޚު
—

ނިންމުން

ޤާނޫނު ނަންބަރު 22/2019 ގެ 4 ވަނަ މާއްދާ…

ޤާނޫނު ނަންބަރު 22/2019 ގެ 4 ވަނަ މާއްދާ އިޞްލާޙުކުރުމުން ޤާނޫނީ ހުސްކަން ފޫނުބެއްދޭނެ؛ ޤާނޫނުއަސާސީގެ 231 ވަނަ މާއްދާ އިޞްލާޙުކޮށް، ނުވަތަ 13 ވަނަ ބާބުގެ ފަހަތުގައި އިންތިޤާލީ މާއްދާއެއް ހިމަނައިގެން މެނުވީ ކައުންސިލަރުންގެ މުއްދަތު އިތުރުނުކުރެވޭނެ ކަމަށް ލަފާދިން

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

ޤާނޫނުއަސާސީގެ 231 ވަނަ މާއްދާގެ ދަށުން އިންތިޚާބުކޮށްފައިވާ ކައުންސިލަރުންގެ މަގާމުގެ މުއްދަތު ހަމަވުމުން، އާ ކައުންސިލަރުން މަގާމުގެ މަސްއޫލިއްޔަތާ ހަވާލުވަންދެން ޤާނޫނުއަސާސީގެ 230 ވަނަ މާއްދާގައި ބުނެފައިވާ ގޮތުގެ މަތިން އިދާރީ ދާއިރާތައް ހިންގޭނެ އިންތިޒާމެއް ހަމަޖެއްސުމަކީ އެއްވެސް އިސްތިސްނާއެއް ނެތި ޤާނޫނުއަސާސީ ލާޒިމުކުރާ ކަމެކެވެ؛ އެ އިންތިޒާމު ހަމަޖައްސަންވާނީ ޤާނޫނުއަސާސީގެ އެއްވެސް މާއްދާއަކާ ފުށުނާރާނެ ހަމަތަކެއްގެ ތެރެއިންނެވެ. މާނައަކީ، އެ މުއްދަތުގައި އިދާރީ ދާއިރާތައް ހިންގަންވާނީ ކައުންސިލުތައް ނިސްބަތްވާ ސަރަހައްދުގެ ރައްޔިތުން ދީމިޤްރާޠީ އުސޫލުތަކުގެ މަތިން ސިއްރު ވޯޓަކުން އިންތިޚާބުކުރާ މެންބަރުންނެވެ.

ދިވެހިރާއްޖެ އަކީ ދީމިޤްރާޠީ ހަމަތަކުގެ މައްޗަށް ބިނާވެފައިވާ ދައުލަތެއް ކަމުގެ މައިގަނޑު އުސޫލު ދެމެހެއްޓޭކަން ކަށަވަރުކުރެވޭނެ ގޮތަކީ ކަނޑައެޅި ބަޔާންވެގެންވާ މުއްދަތުތަކުން މިނިވަންކަމާއެކު ބޭއްވޭ އިންތިޚާބުތަކުގައި ރައްޔިތުން އިންތިޚާބުކުރާ މަންދޫބުން މެދުވެރިކޮށް ދައުލަތުގެ ކަންކަން ހިންގުމެވެ؛ ޤާނޫނުއަސާސީގެ 26 ވަނަ މާއްދާގައިވާ ވޯޓު ދިނުމުގެ ޙައްޤާއި އިންތިޚާބަށް ކުރިމަތިލުމުގެ ޙައްޤު ރައްޔިތުންގެ އަތުން ބީވެގެން ނުދާނެކަން ކަށަވަރުކުރުމަކީ ދައުލަތުގެ ޒިންމާއެކެވެ.

ޤާނޫނުއަސާސީގައި ވަކި ކަމެއް ވަކިގޮތަށް ބަޔާންކުރުމުން އެ އުސޫލު ބަދަލުކުރެވޭނީ، ނުވަތަ އެ އުސޫލަށް އިސްތިސްނާއެއް ގެނެވޭނީ ޤާނޫނުއަސާސީގެ ބާރަވަނަ ބާބުގައި ބަޔާންކޮށްފައިވާ ގޮތަށް ޤާނޫނުއަސާސީއަށް ގެނެވޭ ބަދަލަކުންނެވެ؛ ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާ މުއްދަތެއް ނުވަތަ އިންތިޚާބުކުރެވޭ މީހެއްގެ މަގާމުގެ ދައުރު އެނޫން ގޮތަކަށް ބަދަލުކުރުމުގެ ބާރު ރައްޔިތުންގެ މަޖިލީހަށްވެސް، ކޯޓުތަކަށްވެސް، ވެރިކަން ހިންގާ ފަރާތަށްވެސް ދީފައެއް ނެތެވެ. މިއިން ކޮންމެ ފަރާތަކުންވެސް ކަންކަން ހިންގަންވާނީ ޤާނޫނުއަސާސީއިން ސަރީހަ ބަހުން ދީފައިވާ ބާރުތަކުގެ ދާއިރާގެ ތެރޭގައެވެ.

ޤާނޫނުއަސާސީގައި ކަނޑައަޅައި ބަޔާންކޮށްފައިވާ މުއްދަތުގައި މަގާމުތަކަށް މީހުން އިންތިޚާބުކުރުން މުސްތަހީލުވާ އަދި އިންސާނީ ބާރު ނުފޯރުވޭނޭ ހާލަތެއް މެދުވެރިވެއްޖެ ނަމަ އެ މައްސަލައެއް ހައްލުކުރެވޭނީ، އެފަދަ ހާލަތެއްގައި އަމަލުކުރާނެ ގޮތް ދުރާލައި ޤާނޫނުއަސާސީގައި ބަޔާންކޮށްގެން، ނުވަތަ އެ ހާލަތަކީ ޤާނޫނުއަސާސީއަށް އިޞްލާޙު ގެނައުމަށް ތަންދޭ ހާލަތެއް ނަމަ ޤާނޫނުއަސާސީއަށް އިޞްލާޙު ގެނެސްގެންނެވެ؛ މި ދެގޮތް ނޫން ގޮތަކަށް އެ މައްސަލަ ހައްލުކުރުމަކީ ޤާނޫނުއަސާސީއިން ގާއިމުކޮށްފައިވާ ހަމަތަކާއި އެއްގޮތަށް ކުރެވޭ ކަމެއްކަމަށް ނުބެލެވޭނެއެވެ.

ޤާނޫނުއަސާސީގެ 267 ވަނަ މާއްދާގައި "ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާނުކޮށްފައިވާ ވަގުތެއްގައި" ކަމަށް ލިޔެފައިވުމުން، އެ މާއްދާގައި ހަވާލާދީފައިވަނީ ކަނޑައެޅި ބަޔާންވެގެންވާ ވަކި ޚާއްޞަ ކުއްލި ނުރައްކަލުގެ ހާލަތަކަށެވެ؛ ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ހަމައެކަނި ކުއްލި ނުރައްކަލުގެ ހާލަތަކީ ޤާނޫނުއަސާސީގެ 253 ވަނަ މާއްދާގެ ދަށުން ރައީސުލްޖުމްހޫރިއްޔާ އިޢުލާނުކުރާ ކުއްލި ނުރައްކަލުގެ ހާލަތެވެ.

ޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނުގެ 33 ވަނަ މާއްދާގެ ދަށުން އިޢުލާނުކުރެވޭ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތަކީ މުޅިން ތަފާތު އިޖުރާއަތަކުން އިޢުލާނުކުރެވޭ ވަކި ހާލަތެއް ކަމުން، އެ ހާލަތު އިޢުލާނުކޮށްފައި އޮތުމަކީ ޤާނޫނުއަސާސީގެ 267 ވަނަ މާއްދާއިން ޤާނޫނުއަސާސީއަށް ބަދަލުގެނައުން މަނާކޮށްފައިވާ ހާލަތެއް ކަމަށް ބެލެވޭނެ އެއްވެސް ހަމައެއް ނެތެވެ.

ޤާނޫނުއަސާސީގެ 266 ވަނަ މާއްދާގެ ދަށުން، ޤާނޫނުއަސާސީއަށް އިޞްލާހެއް ގެނައުމަށް ފާސްކުރާ ބިލެއްގައި ޤާނޫނުއަސާސީގެ ނައްސަށް ބަދަލު ނާންނަ އިތުރު ކަންކަން ހިމެނުމަކީ، އެ ބިލުގައި ހިމެނޭ، ނަމަވެސް ޤާނޫނުއަސާސީގައި ނުހިމެނޭ މާއްދާތަކުގެ ޤާނޫނީ ބުރަދަނާއި ނަތީޖާއާ މެދު އޮޅުން އަރައި ތަފާތު ގޮތްގޮތަށް މާނަކުރުމަށް މަގުފަހިވެގެން ހިނގައިދާނެ ކަމަކަށް ވާތީ، އެފަދަ ކަންކަމުން އެއްކިބާވާންޖެހޭނެއެވެ.

ޤާނޫނުއަސާސީގައި ކަނޑައަޅައި ބަޔާންކޮށްފައިވާ އެއްވެސް ކަމަކަށް، އެއީ މަގާމެއްގެ މުއްދަތަށް ބަދަލު ގެނައުން ކަމަށް ވިޔަސް، ބަދަލެއް ގެނެވޭނީ ޤާނޫނުއަސާސީގެ 12 ވަނަ ބާބުގައި ބަޔާންކޮށްފައިވާ އުސޫލުތަކާއި އިޖުރާއަތުގެ ތެރެއިން ގެނެވޭ އިޞްލާޙަކުންނެވެ؛ ޤާނޫނުއަސާސީއަށް އިޞްލާޙު ގެނައުމުގެ ޤާނޫނެއްގައިވާ، ޤާނޫނުއަސާސީގެ މާއްދާއަކަށް ބަދަލު ގެނައުމުގެ މަގްސަދުގައި ނުހިމަނާ މާއްދާއަކަށް ގެނެވޭ އިޞްލާޙަކީ ޤާނޫނުއަސާސީއަށް ގެނެވޭ އިޞްލާޙެއް ނުވަތަ ބަދަލެއް ނޫނެވެ.

އިންތިޚާބުކުރެވިފައިވާ ކައުންސިލަރުންގެ މުއްދަތު ހަމަވުމަށްފަހު އާ އިންތިޚާބެއް ބާއްވައި އާ ކައުންސިލަރުން އިންތިޚާބުކުރެވެންދެން އެ ކައުންސިލަރުންނަށް މަގާމުގައި ތިބެވިދާނެ ކަމަށް ކަނޑައެޅުން ކުރެވޭނީ ޤާނޫނުއަސާސީގެ 231 ވަނަ މާއްދާގެ ނައްސުތަކަށް ސީދާގޮތެއްގައި ގެނެވޭ އިޞްލާޙަކުން، ނުވަތަ އެ މަގްސަދު ހާސިލުކުރުމަށްޓަކައި ޤާނޫނުއަސާސީގެ 13 ވަނަ ބާބުގެ ފަހަތުގައި ވަކިން އިންތިގާލީ މާއްދާއެއް ހިމަނައި، ސަރީހަ ބަހުން ބަޔާންކޮށްގެންނެވެ.

ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް

  • ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 2، 8، 26، 95، 230، 231، 253، 257، 266، 267 އަދި 268 ވަނަ މާއްދާ
  • ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 11، 12 އަދި 13 ވަނަ ބާބު
  • ޤާނޫނު ނަންބަރު 22/2019 (ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށް 5 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނު) ގެ 1، 2، 3 އަދި 4 ވަނަ މާއްދާ
  • ޤާނޫނު ނަންބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު)
  • ޤާނޫނު ނަންބަރު 3/2020 (ލޯކަލް ކައުންސިލުތަކުގެ އިންތިޚާބުގެ ޚާއްޞަ ޤާނޫނު 2020)
  • ޤާނޫނު ނަންބަރު 7/2012 (ޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނު) ގެ 33 ވަނަ މާއްދާ
  • ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ 19 ނޮވެމްބަރު 2007 ގެ ޖަލްސާގެ ޔައުމިއްޔާ

ފަނޑިޔާރުން

ބެންޗު
އަޙްމަދު މުޢުތަޞިމް ޢަދުނާން، ޑރ. އަޒްމިރާލްދާ ޒާހިރު، ޢާއިޝާ ޝުޖޫން މުޙައްމަދު، މަޙާޒު ޢަލީ ޒާހިރު، ޙުސްނުއް ސުޢޫދު
ރައުޔު ލިޔުނު ފަނޑިޔާރު
ޙުސްނުއް ސުޢޫދު · ތާއީދުކުރެއްވީ: ޑރ. އަޒްމިރާލްދާ ޒާހިރު
ޚިލާފު ރައުޔު
ނެތް
ވަކި ރައުޔު
ޢާއިޝާ ޝުޖޫން މުޙައްމަދު

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.

ތަޢާރަފު

ކޮވިޑް-19 ރޯގާ އާއި ގުޅިގެން ދިވެހިރާއްޖެއަށާއި މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ބަލިމަޑުކަމާ ގުޅިގެން، އަދި ދިވެހިރާއްޖޭގައި އެ ބަލިމަޑުކަމާ ގުޅިގެން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާނުކޮށްފައި އޮތުމުގެ ސަބަބުން، 4 އެޕްރީލް 2020 ގައި ދިވެހިރާއްޖޭގައި ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާ ލޯކަލް ކައުންސިލުތަކުގެ އިންތިޚާބު ފަސްކުރަންޖެހުމާ ގުޅިގެން، އެ އިންތިޚާބު ބޭއްވުމަށް ރައްކާތެރި މާހައުލެއް ގާއިމްވެ އާ އިންތިޚާބެއް ބޭއްވުމާ ހަމައަށް ދިމާވާ ޤާނޫނީ ހުސްކަން ޤާނޫނުއަސާސީއާ އެއްގޮތްވާ ގޮތުގެ މަތިން ފޫބެއްދޭނެ ޤާނޫނީ ހަމައަކީ ކޮބައިކަމާއި، އަދި، ޤާނޫނުއަސާސީގެ 231 ވަނަ މާއްދާގައި އަތޮޅު ކައުންސިލުތަކާއި، ރަށު ކައުންސިލުތަކާއި ސިޓީ ކައުންސިލުތަކަށް މެންބަރުން އިންތިޚާބުކުރާ ގޮތް ބަޔާންކޮށްފައިވާއިރު، އެ މާއްދާ އިޞްލާޙު ކުރުމެއް ނެތި، ޤާނޫނު ނަންބަރު 2019/22 (ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށް 5 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނު) ގެ 4 ވަނަ މާއްދާއަށް އިޞްލާޙު ގެނެސް، މިހާރު އިންތިޚާބުވެފައި ތިބި އަތޮޅު ކައުންސިލުތަކާއި، ރަށު ކައުންސިލުތަކާއި ސިޓީ ކައުންސިލުތަކުގެ މެންބަރުން އެމީހުންގެ މަގާމުގައި ދެމިތިބޭނެ ކަމަށް ކަނޑައެޅުމުން ކުރިމަތި ވެދާނެ ޤާނޫނީ މައްސަލަތަކާ ގުޅޭ ގޮތުން، ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ ޤާނޫނު ނަންބަރު 2019/22 (ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށް 5 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލުގެ މަސައްކަތް ކޮމިޓީއިން ނިންމުމުގެ ކުރިއަށް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 95 ވަނަ މާއްދާގެ ދަށުން ސުޕްރީމް ކޯޓުގެ އިސްތިޝާރީ ލަފައެއް ހޯދުމަށް ރައްޔިތުންގެ މަޖިލީހުން ސުޕްރީމް ކޯޓުގައި އެދިފައިވެއެވެ.

މައްސަލައިގައި ކަން ހިނގާފައިވާ ގޮތް

ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 230 ވަނަ މާއްދާގައި ބުނެފައިވަނީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ހިންގަންވާނީ ލާމަރުކަޒީ އުސޫލުން ކަމަށެވެ.

ޤާނޫނުއަސާސީގެ 230 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުގެ ދަށުން ހިންގުމަށްޓަކައި ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު) ގައިވާ ގޮތުގެ މަތީން އެކަށައަޅާފައިވާ އަތޮޅު ކައުންސިލުތަކާއި ރަށު ކައުންސިލުތަކާއި ސިޓީ ކައުންސިލުތައް ހިންގުމަށްޓަކައި ޤާނޫނުއަސާސީގެ 231 ވަނަ މާއްދާގެ ދަށުން 3 އަހަރު ދުވަހުގެ މުއްދަތަށް އިންތިޚާބުކޮށްފައިވާ ކައުންސިލަރުން3 ޖޫން 2017 ގައި މަގާމާއި ހަވާލުވެފައިވެއެވެ.

އަތޮޅު ކައުންސިލުތަކާއި ރަށު ކައުންސިލުތަކާއި ސިޓީ ކައުންސިލުތަކުގެ ދައުރު ހަމަވުމުގެ 30 ދުވަސް ހަމަވުމުގެ ކުރިން އާ ކައުންސިލުތައް އިންތިޚާބުކުރަންވާނެ ކަމަށް ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގައި ބަޔާންކޮށްފައި ވެއެވެ.

4 އެޕްރީލް 2020 ގައި ލޯކަލް ކައުންސިލް އިންތިޚާބު ބޭއްވުމަށް، 4 ފެބުރުވަރީ 2020 ގައި އިލެކްޝަންސް ކޮމިޝަނުން އިޢުލާނުކޮށް، 18 އެޕްރީލް 2020 އަށް ފަސްކުރުމަށްފަހު، ކޮވިޑް-19 އާ ގުޅިގެން ދިވެހިރާއްޖެއަށް ކުރިމަތިވެފައިވާ އާންމު ސިއްހަތުގެ ކުއްލިނުރައްކަލުގެ ހާލަތުގެ ސަބަބުން އެ ތާރީޚުގައި އެ އިންތިޚާބު ބޭއްވެން ނެތްކަމަށް 13 އެޕްރީލް 2020 ގައި އެ ކޮމިޝަނުން ކަނޑައަޅާފައިވާ ލޯކަލް ކައުންސިލުތަކުގެ އިންތިޚާބު، އެ އިންތިޚާބު ބޭއްވުމަށް ރައްކާތެރި މާހައުލެއް ގާއިމްކުރެެވެންދެން ޤާނޫނު ނަންބަރު 2020/3 (ލޯކަލް ކައުންސިލުތަކުގެ އިންތިޚާބުގެ ޚާއްޞަ ޤާނޫނު 2020) އިން ފަސްކޮށްފައިވެއެވެ.

3 ޖޫން 2017 ގައި މަގާމާ ހަވާލުވެފައިވާ ކައުންސިލަރުންގެ މަގާމުގެ މުއްދަތު 3 ޖޫން 2020 އަށް ހަމަވާއިރު، ޤާނޫނު ނަންބަރު 2020/3 (ލޯކަލް ކައުންސިލުތަކުގެ އިންތިޚާބުގެ ޚާއްޞަ ޤާނޫނު 2020) އިން ފަސްކޮށްފައިވާ އިންތިޚާބު ބޭއްވޭނެ ރައްކާތެރި މާހައުލެއް ގާއިމުވެ، އާ އިންތިޚާބު ބާއްވައި، އާ މެންބަރުން އިންތިޚާބުވެ މަގާމާއި ހަވާލުވުމާ ހަމައަށް ކުރިމަތިވާ ޤާނޫނީ ހުސްކަން ފޫބެއްދުމަށްޓަކައި، މިހާރު އިންތިޚާބުވެފައި ތިބި އަތޮޅު ކައުންސިލުތަކާއި، ރަށު ކައުންސިލުތަކާއި ސިޓީ ކައުންސިލުތަކުގެ މެންބަރުން އެމީހުންގެ މަގާމުގައި ދެމިތިބޭނެ ކަމަށް ކަނޑައެޅުމަށްޓަކައި ޤާނޫނު ނަންބަރު 2019/22 (ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށް 5 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނު) ގެ 4 ވަނަ މާއްދާއަށް އިޞްލާޙު ގެނައުމުގެ ބިލެއް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވެއެވެ.

އިންތިޚާބު ބޭއްވުމަށް ރައްކާތެރި މާހައުލެއް ގާއިމުވެ، އާ އިންތިޚާބެއް ބާއްވައި، އާ މެންބަރުން އިންތިޚާބުވެ މަގާމާ ހަވާލުވުމާ ހަމައަށް ކުރިމަތިވާ ޤާނޫނީ ހުސްކަން ފޫބެއްދޭނެ ހަމައެކަނި ޤާނޫނީ ހަމައަކީ، ޤާނޫނު ނަންބަރު 2019/22 (ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށް 5 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނު) އިޞްލާޙުކޮށް، މިހާރު އިންތިޚާބުވެފައި ތިބި އަތޮޅު ކައުންސިލުތަކާއި، ރަށު ކައުންސިލުތަކާއި ސިޓީ ކައުންސިލުތަކުގެ މެންބަރުންގެ މަގާމުގެ މުއްދަތު އިތުރުކުރުން ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ހުރިހާ މެންބަރުންނަށް އިއްތިފާގުވެވިފައި ނުވާތީވެ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 95 ވަނަ މާއްދާގެ ދަށުން ސުޕްރީމް ކޯޓުގެ އިސްތިޝާރީ ލަފައެއް ހޯދުމަށް ރައްޔިތުންގެ މަޖިލީހުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވެއެވެ.

ސުޕްރީމް ކޯޓުގެ ލަފަޔަކަށް އެދި ހުށަހެޅިފައިވާ ނުކުތާތައް

ޤާނޫނުއަސާސީގެ 95 ވަނަ މާއްދާގެ ދަށުން ސުޕްރީމް ކޯޓުގެ އިސްތިޝާރީ ލަފައެއް ހޯދުމަށް ރައްޔިތުންގެ މަޖިލީހުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ފޯމުގައި ބަޔާންކޮށްފައިވާ މައްސަލައިގައި ސުޕްރީމް ކޯޓުގެ އިސްތިޝާރީ ލަފައެއް ބޭނުންކަމަށް ބަޔާންކޮށްފައިވާ ދެ ނުކުތާ ތިރީގައި މިވަނީ އެވެ.

އިންތިޚާބު ބޭއްވުމަށް ރައްކާތެރި މާހައުލެއް ގާއިމްވެ އާ އިންތިޚާބެއް ބޭއްވުމާ ހަމައަށް ދިމާވާ ޤާނޫނީ ހުސްކަން ޤާނޫނުއަސާސީއާ އެއްގޮތްވާ ގޮތުގެ މަތިން ފޫބެއްދޭނެ ޤާނޫނީ ހަމައަކީ ކޮބައިތޯ، އަދި

ޤާނޫނުއަސާސީގެ 231 ވަނަ މާއްދާގައި އަތޮޅު ކައުންސިލުތަކާއި، ރަށު ކައުންސިލުތަކާއި ސިޓީ ކައުންސިލުތަކަށް މެންބަރުން އިންތިޚާބުކުރާ ގޮތް ބަޔާންކޮށްފައިވާއިރު، ޤާނޫނުއަސާސީގެ އެ މާއްދާ އިޞްލާޙުކުމެއްނެތި، ޤާނޫނު ނަންބަރު 2019/22 (ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށް 5 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނު) ގެ 4 ވަނަ މާއްދާއަށް އިޞްލާޙު ގެނެސް، މިހާރު އިންތިޚާބުވެފައިތިބި އަތޮޅު ކައުންސިލުތަކާއި، ރަށު ކައުންސިލުތަކާއި ސިޓީ ކައުންސިލުތަކުގެ މެންބަރުން އެމީހުންގެ މަގާމުގައި ދެމިތިބޭނެ ކަމަށް ކަނޑައެޅުމުން ކުރިމަތިވެދާނެ ޤާނޫނީ މައްސަލަތަކަކީ ކޮބައިތޯ.

އިންތިޚާބު ބޭއްވުމަށް ރައްކާތެރި މާހައުލެއް ގާއިމްވެ އާ އިންތިޚާބެއް ބޭއްވުމާ ހަމައަށް ދިމާވާ ޤާނޫނީ ހުސްކަން ޤާނޫނުއަސާސީއާ އެއްގޮތްވާ ގޮތުގެ މަތިން ފޫބެއްދޭނެ ޤާނޫނީ ހަމައަކީ ކޮބައިތޯ؟

ހުށަހެޅިފައިވާ މައްސަލައިގައި ބަޔާންކޮށްފައިވާ މި ނުކުތާއާ ގުޅިގެން ފުރަތަމަ ބަލަންޖެހޭ ކަމަކީ އިންތިޚާބެއް ބޭއްވުމާ ހަމައަށް ދިމާވާ ޤާނޫނީ ހުސްކަމަކީ ކޮބައިތޯއެވެ. މިކަމަށް ބަލާއިރު، ޤާނޫނުއަސާސީގެ 231 ވަނަ މާއްދާގެ ދަށުން 3 އަހަރު ދުވަހުގެ މުއްދަތަށް އިންތިޚާބުކޮށްފައިވާ ކައުންސިލަރުން 3 ޖޫން 2017 ގައި މަގާމާއި ހަވާލުވެފައިވާތީވެ، ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާ 3 އަހަރު ދުވަހުގެ މުއްދަތު 3 ޖޫން 2020 އަށް ހަމަވުމުން، 3 ޖޫން 2020 އިން ފެށިގެން މިހާރު މަގާމުގައި ތިބި ކައުންސިލަރުންގެ ދައުރު ހަމަވުމަށްފަހު އެފަރާތްތަކަށް މަގާމުގައި ނުތިބެވޭނެތީވެ، އާ އިންތިޚާބު ބާއްވައި އާ ކައުންސިލަރުން އިންތިޚާބު ކުރެވެންދެން ޤާނޫނުއަސާސީގެ 230 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުގެ ދަށުން ހިންގުމަށްޓަކައި އެއްވެސް ކައުންސިލަރަކު ނެތުމުން ޤާނޫނުއަސާސީއާއި ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގައިވާ ގޮތުގެ މަތީން ލޯކަލް ކައުންސިލުތައް ހިންގާނޭ ފަރާތެއް ނެތުމެވެ. ވީމާ، މި ހުސްކަން ޤާނޫނުއަސާސީއާ އެއްގޮތަށް ފިލުވޭނެ ޤާނޫނީ ހަމަޔަކީ ކޮބައިތޯ ބަލާއިރު އަންނަނިވި ކަންކަން ފާހަގަކުރެވެއެވެ.

(ހ) ޤާނޫނުއަސާސީގެ 231 ވަނަ މާއްދާގެ ދަށުން 3 އަހަރު ދުވަހުގެ މުއްދަތަށް އިންތިޚާބުކޮށްފައިވާ ކައުންސިލަރުންގެ މަގާމުގެ މުއްދަތު 3 ޖޫން 2020 އަށް ހަމަވުމުން، އެ ފަަރާތްތަކުގެ މަގާމުގެ ޤާނޫނީ ދައުރު ނިމޭނެތީވެ، ދިވެހިރާއްޖޭގެ ދުސްތޫރީ ނިޒާމު ހަމަޖެހިފައި އޮތް ގޮތުން އެ ތާރީޚުގެ ފަހުން އެފަރާތްތަކަށް ޤާނޫނީ ގޮތުން މަގާމުގައި ނުތިބެވޭނެތީވެ، އާ އިންތިޚާބު ބާއްވައި އާ ކައުންސިލަރުން އިންތިޚާބުކޮށް އާ ކައުންސިލަރުން މަގާމުގެ މަސްއޫލިއްޔަތާ ހަވާލުވަންދެން ޤާނޫނުއަސާސީގެ 230 ވަނަ މާއްދާގައި ބުނެފައިވާ ގޮތުގެ މަތިން ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ހިންގޭނެ އިންތިޒާމެއް ހަމަޖެއްސުމަކީ އެއްވެސް އިސްތިސްނާއެއް ނެތި ޤާނޫނުއަސާސީ ލާޒިމުކުރާ ކަމެކެވެ. އަދި އެ އިންތިޒާމު ހަމަޖައްސަންވާނީ ޤާނޫނުއަސާސީގެ އެއްވެސް މާއްދާއަކާ ފުށުނާރާނެ ހަމަތަކެއްގެ ތެރެއިންނެވެ. ޤާނޫނުއަސާސީގެ 231 ވަނަ މާއްދާގެ (ހ) ގެ (1) ގައި ބުނެފައިވަނީ އިދާރީ ދާއިރާތައް ހިންގުމަށްޓަކައި އުފައްދާ ކައުންސިލުތަކުގައި ހިމެނެންވާނީ ހަމައެކަނި އެ ކައުންސިލް ނިސްބަތްވާ ސަރަހައްދުގެ ރައްޔިތުން ދީމިޤްރާޠީ އުސޫލުތަކުގެ މަތިން ސިއްރު ވޯޓަކުން އިންތިޚާބުކުރާ މެންބަރުން ކަމަށެވެ. ވީމާ މިބުނެވުނު އިންތިޒާމު ހަމަޖައްސަންވާނީ މި މާއްދާއާއި ފުށުނާރާނޭ ގޮތެއްގެ މަތިންނެވެ. މާނައަކީ، އާ އިންތިޚާބު ބާއްވައި އާ ކައުންސިލަރުން އިންތިޚާބުކޮށް އާ ކައުންސިލަރުން މަގާމުގެ މަސްއޫލިއްޔަތާ ހަވާލުވަންދެން ޤާނޫނުއަސާސީގެ 230 ވަނަ މާއްދާގައި ބުނެފައިވާ ގޮތުގެ މަތިން ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ހިންގަންވާނީ ކައުންސިލުތައް ނިސްބަތްވާ ސަރަހައްދުގެ ރައްޔިތުން ދީމިޤްރާޠީ އުސޫލުތަކުގެ މަތިން ސިއްރު ވޯޓަކުން އިންތިޚާބުކުރާ މެންބަރުންނެވެ.

(ށ) ޤާނޫނުއަސާސީގެ 2 ވަނަ މާއްދާގައި ބުނެފައިވަނީ ދިވެހިރާއްޖެ އަކީ ދީމިޤްރާޠީ ހަމަތަކުގެ މައްޗަށް ބިނާވެފައިވާ ދައުލަތެއް ކަމަށެވެ. އަދި، އެ ދުސްތޫރީ އުސޫލަކުން ދުރުނުވެވޭނެ ޤާނޫނުއަސާސީގެ މައިގަނޑު އެއް ސިފައަކީ މިއީ ކަމަށްވާއިރު ޤާނޫނުއަސާސީގެ މި މައިގަނޑު އުސޫލު ދެމެހެއްޓޭކަން ކަށަވަރުކުރެވޭނެ ގޮތަކީ ކަނޑައެޅި ބަޔާންވެގެންވާ މުއްދަތުތަކުން މިނިވަންކަމާއެކު ބޭއްވޭ އިންތިޚާބުތަކުގައި ރައްޔިތުން އިންތިޚާބުކުރާ މަންދޫބުން މެދުވެރިކޮށް ދައުލަތުގެ ކަންކަން ހިންގުމެވެ. ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާ މަގާމުތަކަށް މީހުން އިންތިޚާބުކޮށް ނިންމަންޖެހޭ މުއްދަތުތައް ޤާނޫނުއަސާސީގައި ނުވަތަ ޤާނޫނުގައި ބަޔާންކޮށްފައިވަނީ މި ބޭނުމަށެވެ. މީގެ އިތުރުން، މި ބޭނުމަށްޓަކައި ޤާނޫނުއަސާސީގެ 26 ވަނަ މާއްދާގައި ވޯޓު ދިނުމުގެ ޙައްޤާއި އިންތިޚާބަށް ކުރިމަތިލުމުގެ ޙައްޤަކީ ރައްޔިތުންނަށް ކަށަވަރުކޮށްދީފައިވާ އަސާސީ ޙައްޤުތަކެއް ކަމަށް ބަޔާންކޮށްފައިވެއެވެ. މި ޙައްޤުތައް ރައްޔިތުންގެ އަތުން ބީވެގެން ނުދާނެކަން ކަށަވަރުކުރުމަކީ ދައުލަތުގެ ޒިންމާއެކެވެ. ވީމާ، އިސްވެ ބުނެވުނު އިންތިޒާމު ހަމަޖައްސަންވާނީ ޤާނޫނުއަސާސީގެ މި އުސޫލާ ވެސް ފުށުނާރާނޭ ގޮތެއްގެ މަތިންނެވެ.

(ނ) ޤާނޫނުއަސާސީގެ 268 ވަނަ މާއްދާގައި ސާފުކޮށް ބުނެފައިވަނީ ޤާނޫނުއަސާސީއިން ލާޒިމުކުރާ އެންމެހައި ކަންކަން ފުރިހަމަކުރަންވާނެ ކަމަށެވެ. އެ މާއްދާގައި، ޤާނޫނުއަސާސީއިން ލާޒިމުކުރާ އެންމެހައި ކަންކަން ފުރިހަމަނުކޮށް ފުދޭނޭ އިސްތިސްނާއީ ހާލަތެއް ބުނެފައެއް ނެތެވެ. އިތުރަށް ޤާނޫނުއަސާސީގެ މި މާއްދާގައި ބުނެފައިވަނީ ޤާނޫނުއަސާސީ އާ ޚިލާފަށް ކުރާ ކޮންމެ ކަމަކީ ބާތިލުކަމެއް ކަމަށެވެ. އަދިވެސް އިތުރަށް މި މާއްދާގައި ބުނެފައިވަނީ ޤާނޫނުއަސާސީއާ ޚިލާފުވާ ގޮތަށް ހަދާ ޤާނޫނެއް ނުވަތަ ޤާނޫނަކުން ބައެއް ވިޔަސް ވާނީ ބާތިލު އެއްޗެއް ކަމަށާއި، އަދި އެފަދަ ޤާނޫނެއްގެ ނުވަތަ ޤާނޫނުގެ ބައެއްގެ ބާރު ނުހިނގާނެ ކަމަށެވެ. ޤާނޫނުއަސާސީގައި ސަރީހަބަހުން ބުނެފައިވާ މި އުސޫލުގެ އަލީގައި ބަލާއިރު ޤާނޫނުއަސާސީގެ 231 ވަނަ މާއްދާގެ (ނ)، 8 ޑިސެމްބަރު 2019 ގައި އަމަލުކުރަންފެށުނު ޤާނޫނު ނަންބަރު 2019/22 (ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށް 5 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނު) އިން އިޞްލާޙުކުރުމުގެ ކުރިން، އެ މާއްދާގައި ބުނެފައިވަނީ އިދާރީ ދާއިރާތައް ހިންގުމަށްޓަކައި އިންތިޚާބުކުރެވޭ ކައުންސިލުތަކުގެ އުމުރަކީ ގިނަވެގެން 3 އަހަރު ކަމަށެވެ. ޤާނޫނުއަސާސީގައި ވަކި ކަމެއް ވަކިގޮތަށް ބަޔާންކުރުމުން އެ އުސޫލު ބަދަލުކުރެވޭނީ، ނުވަތަ އެ އުސޫލަށް އިސްތިސްނާއެއް ގެނެވޭނީ ޤާނޫނުއަސާސީއަށް ގެނެވޭ ބަދަލަކުންނެވެ. ޤާނޫނުއަސާސީގައިވާ ކަމެއް ބަދަލުކުރެވޭނެ ހަމައެކަނި ގޮތަކީ ޤާނޫނުއަސާސީގެ ބާރަވަނަ ބާބުގައި ބަޔާންކޮށްފައިވާ ގޮތެވެ. ޤާނޫނުއަސާސީގެ އެއްވެސް އަކުރެއް ނުވަތަ ފިއްޔެއްވެސް ޤާނޫނުއަސާސީގެ ބާރަވަނަ ބާބުގައި ބަޔާންކޮށްފައިވާ އުސޫލާ ޚިލާފަށް ބަދަލުކުރުމަށް ދައުލަތުގެ އެއްވެސް ބާރަކަށް ހުއްދަ ދީފައި ނެތެވެ. އެހެންކަމުން، ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާ މުއްދަތެއް ކަމަށް ވިޔަސް ނުވަތަ ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން އިންތިޚާބުކުރެވޭ މީހެއްގެ މަގާމުގެ ދައުރުކަމަށް ވިޔަސް ނުވަތަ ޤާނޫނުއަސާސީގައި ކޮށްފައިވާ އެނޫން ކަމެއް ކަމަށްވިޔަސް ޤާނޫނުއަސާސީގެ ބާރަވަނަ ބާބުގައި ބަޔާންކޮށްފައި ނެތް ގޮތަކަށް ބަދަލުކުރުމުގެ ބާރު ރައްޔިތުންގެ މަޖިލީހަށްވެސް އަދި ކޯޓުތަކަށްވެސް އަދި ވެރިކަން ހިންގާ ފަރާތަށްވެސް ދީފައެއް ނެތެވެ. ރައްޔިތުންގެ މަޖިލީހަށާއި ވެރިކަން ހިންގާ ފަރާތަށާއި އަދި ކޯޓުތަކަށް ބާރު ލިބިދީފައިވަނީ ޤާނޫނުއަސާސީއިން ސަރީހަ ބަހުން އެފަރާތަކަށް އެބާރެއް ދިން މިންވަރަކަށެވެ. މިއިން ކޮންމެ ފަރާތަކުންވެސް ކަންކަން ހިންގަންވާނީ އެފަރާތަކަށް ޤާނޫނުއަސާސީއިން ދީފައިވާ ބާރުތަކުގެ ދާއިރާގެ ތެރޭގައެވެ. އަމިއްލައަށް ބާރެއް ހޯދުމުގެ ނުވަތަ ބާރެއް ލިބިގަތުމުގެ އިޚްތިޔާރު ހަމަ މިއިން އެއްވެސް ފަރާތަކަށް ލިބިގެން ނުވާކަމަށް ޤާނޫނުއަސާސީގެ 8 ވަނަ މާއްދާއިން އެނގެއެވެ.

(ރ) ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާ މަގާމުތަކަށް މީހުން އިންތިޚާބުކޮށް ނިންމަންޖެހޭކަމަށް ޤާނޫނުއަސާސީގައި ކަނޑައަޅައި ބަޔާންކޮށްފައިވާ މުއްދަތުގައި އެކަން ކުރުން މުސްތަހީލުވާ އަދި އިންސާނީ ބާރު ނުފޯރުވޭނޭ ހާލަތެއް މެދުވެރިވެއްޖެ ނަމަ އެ މައްސަލައެއް ހައްލުކުރެވޭނީ ދެ ގޮތަކަށް އަމަލުކޮށްގެންނެވެ. އެއީ

އެފަދަ ހާލަތެއް މެދުވެރިވެއްޖެ ނަމަ އަމަލުކުރާނެ ގޮތް ދުރާލައި ޤާނޫނުއަސާސީގައި ބަޔާންކުރުން.

އެ ހާލަތެއް މެދުވެރިވުމުން، އެ ހާލަތަކީ، ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ޤާނޫނުއަސާސީއަށް އިޞްލާޙު ގެނައުމަށް ތަންދޭ ހާލަތެއް ނަމަ ޤާނޫނުއަސާސީއަށް އިޞްލާޙު ގެނައުން.

ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާ މަގާމުތަކަށް މީހުން އިންތިޚާބުކޮށް ނިންމަންޖެހޭކަމަށް ޤާނޫނުއަސާސީގައި ކަނޑައަޅައި ބަޔާންކޮށްފައިވާ މުއްދަތުގައި އެކަން ކުރުން މުސްތަހީލުވާ އަދި އިންސާނީ ބާރު ނުފޯރުވޭނޭ ހާލަތެއް މެދުވެރިވެއްޖެ ނަމަ އެކަން ކުރާނެ ގޮތް ގިނަ ގައުމުތަކުގެ ޤާނޫނުއަސާސީގައި ލިޔެފައި ނެތުމުން ނުވަތަ ދުސްތޫރީ އާދަކާދައިގެ ތެރެއިން ކަނޑައެޅިގެން ހަދަންޖެހޭނެ ގޮތެއް އެނގެންނެތުމުން އެފަދަ އުސޫލުތައް ލިޔުމުގެ މަސައްކަތް ބައެއް ގައުމުތަކުގައި ފަށައިގެން ކުރިއަށް ގެންދާކަން ފާހަގަކުރެވެއެވެ. އިސްވެ ބުނެވުނު ދެގޮތް ނޫން ގޮތަކަށް އެ މައްސަލަ ހައްލުކުރުމަކީ ޤާނޫނުއަސާސީއިން ގާއިމުކޮށްފައިވާ ހަމަތަކާއި އެއްގޮތަށް ކުރެވޭ ކަމެއްކަމަށް ނުބެލެވޭނެއެވެ.

(ބ) މި މައްސަލަ ސުޕްރީމް ކޯޓުގެ ލަފައަކަށް އެދި ހުށަހެޅިއިރު، ދިވެހިރާއްޖެ އާއި މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ސަބަބުން ޤާނޫނު ނަންބަރު 2012/7 (ޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނު) ގެ 33 ވަނަ މާއްދާގެ ދަށުން އާންމު ސިއްހަތަށް ކުއްލި ނުރައްކަލުގެ ހާލަތެއް ކުރިމަތިވެއްޖެކަމަށް އިޢުލާނުކޮށް އެ ޤާނޫނުގެ ދަށުން ފިޔަވަޅުތަކެއް އަޅާފައިވެއެވެ. އެހެންކަމުން، މިހާލަތު މިގޮތަށް އޮތުމުން، ޤާނޫނުއަސާސީ އިޞްލާޙުކުރުމަކީ ޤާނޫނުއަސާސީގެ މާއްދާތައް ހުރިގޮތުން ކުރެވިދާނެކަމެއްތޯ ނުވަތަ ނޫންތޯ ބަލާއިރު، ފާހަގަކޮށް، ބަހުސް ކުރެވިދާނެ އެއް މާއްދާއަކީ ޤާނޫނުއަސާސީގެ 267 ވަނަ މާއްދާއެވެ. އެ މާއްދާގައި ބުނެފައިވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާނުކޮށްފައިވާ ވަގުތެއްގައި، ޤާނޫނުއަސާސީއަށް އެއްވެސް އިޞްލާހެއް ގެނެސްގެން ނުވާނެކަމަށެވެ. ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ސަބަބުން، ޤާނޫނު ނަންބަރު 2012/7 (ޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނު) ގެ 33 ވަނަ މާއްދާގެ ދަށުން، އާންމު ސިއްހަތަށް ކުއްލި ނުރައްކަލުގެ ހާލަތެއް އޮތްކަމަށް މިނިސްޓަރ އޮފް ހެލްތު އިޢުލާނުކޮށްފައި އޮތް އޮތުމަކީ ޤާނޫނުއަސާސީގެ 267 ވަނަ މާއްދާއިން ޤާނޫނުއަސާސީއަށް ބަދަލުގެނައުން މަނާކޮށްފައިވާ ހާލަތެއްތޯ ނުވަތަ ނޫންތޯ ބަލާއިރު އަންނަނިވި ކަންކަން ފާހަގަކުރެވެއެވެ.

19 ނޮވެމްބަރު 2007 ރޭ 8:30 ގައި ބޭއްވުނު ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ ޖަލްސާގައި ކުރެވުނު ބަހުސްތަކުގެ ޔައުމިއްޔާއިން އެނގެނީ މި މާއްދާ ޤާނޫނުއަސާސީގައި ހިމަނާފައިވާ އެއް މަގްސަދަކީ 2004 ވަނަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ އޭރުގެ ޤާނޫނުއަސާސީގެ ދަށުން ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާނުކޮށް އެ އިޢުލާނުގެ ދަށުން ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ ގިނަ މެންބަރުންތަކެއް ކުށުގެ ތުހުމަތުގައި ބަންދުކޮށްފައި ބައިތިއްބައިގެން ޤާނޫނުއަސާސީ އިޞްލާޙުކުރުމުގެ މަސައްކަތްކުރިއަށް ގެންގޮސްފައިވާތީ އެފަދަ ސިޔާސީ ހާލަތެއް ތަކުރާރުވެ ނުދިއުން ކަން އެ ޔައުމިއްޔާގައިވާ ބަހުސްތަކުން އެނގެން އޮތްކަން.

ޤާނޫނުއަސާސީގެ 267 ވަނަ މާއްދާގެ އިބާރާތަށް ބަލާއިރު އެ މާއްދާގައި "ކުއްލި ނުރައްކަލުގެ ހާލަތެއް" މިފަދަ ގޮތަކަށް އިބާރާތް ބޭނުން ކުރުމުގެ ބަދަލުގައި، އެ މާއްދާގައިވާ އިބާރާތުގައި ލިޔެފައި އޮތީ "ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާނުކޮށްފައިވާ ވަގުތެއްގައި"، މިގޮތަށް ކަމަށްވުމުން، އެ މާއްދާގައި ހަވާލާދީފައިވަނީ ކަނޑައެޅި ބަޔާންވެގެންވާ ވަކި ޚާއްޞަ ކުއްލި ނުރައްކަލުގެ ހާލަތަކަށްކަން އެނގެން އޮތްކަން.

ޤާނޫނުއަސާސީގެ 267 ވަނަ މާއްދާގެ އިބާރާތަށް ބަލާއިރު އެ މާއްދާގައި ހަވާލާދީފައިވަނީ ކަނޑައެޅި ބަޔާންވެގެންވާ ވަކި ކުއްލި ނުރައްކަލުގެ ހާލަތެއްކަމަށް އެނގެން އޮވެފައި، ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ހަމައެކަނި ކުއްލި ނުރައްކަލުގެ ހާލަތަކީ ޤާނޫނުއަސާސީގެ 253 ވަނަ މާއްދާގެ ދަށުން ރައީސުލްޖުމްހޫރިއްޔާ އިޢުލާނުކުރާ ކުއްލި ނުރައްކަލުގެ ހާލަތުކަން ސާފުކޮށް އެނގެން އޮތުން.

ޤާނޫނު ނަންބަރު 2012/7 (ޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނު) އަކީ ޤާނޫނުއަސާސީ 2004 އާއި 2008 އާ ދެމެދު ޑްރާފްޓްކުރިއިރު އަދި ޤާނޫނުއަސާސީއަށް 2008 ގައި އަމަލުކުރަންފެށިއިރު ވުޖޫދުގައިވާ ޤާނޫނަކަށް ނުވާތީވެ، އޭގެ 4 އަހަރު ފަހުން ހެދިފައިވާ ޤާނޫނެއްގެ 33 ވަނަ މާއްދާގެ ދަށުން އިޢުލާނުކުރެވޭ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލެއް އޮތް ކަމުގެ ހާލަތަކީ ޤާނޫނުއަސާސީގެ 253 ވަނަ މާއްދާގެ ދަށުން ރައީސުލްޖުމްހޫރިއްޔާ އިޢުލާނުކުރާ ކުއްލި ނުރައްކަލުގެ ހާލަތުގެ ތެރޭގައި ހިމެނޭނޭ ހާލަތެއްކަމަށް ބެލުމަކީ އެންމެ ރަނގަޅުގޮތެއް ނޫންކަން.

ޤާނޫނުއަސާސީގެ 11 ވަނަ ބާބުގައިވާ ކުއްލި ނުރައްކަލުގެ ހާލަތަކީ ވަކި އިޖުރާއާތެއްގެ ދަށުން ހިނގާކަމެއް ކަމާއި، އެކަމަކީ ޤާނޫނުއަސާސީގެ އެ ބާބުގައިވާ 257 ވަނަ މާއްދާގެ ދަށުން ރައްޔިތުންގެ މަޖިލިހަށް ހުށަހެޅި އެ މަޖިލިހުންވެސް ފާސްކުރަންޖެހޭ ކަމެއް ކަމަކަށްވެފައި، އެއާ ޚިލާފަށް، ޤާނޫނު ނަންބަރު 2012/7 (ޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނު) ގެ ދަށުން އިޢުލާނުކުރާ ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގެ އިޖުރާއާތަކީ އެއާ މުޅިން ތަފާތު އިޖުރާއަތަކުން އިޢުލާނުކުރެވޭ ވަކި ހާލަތެއްކަން.

މި ފާހަގަކުރި ކަންކަމަށް ބަލާއިރު، ޤާނޫނު ނަންބަރު 2012/7 (ޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނު) ގެ 33 ވަނަ މާއްދާގެ ދަށުން، އާންމު ސިއްހަތަށް ކުއްލި ނުރައްކަލުގެ ހާލަތެއް އޮތްކަމަށް މިނިސްޓަރ އޮފް ހެލްތު އިޢުލާނުކޮށްފައި އޮތް އޮތުމަކީ ޤާނޫނުއަސާސީގެ 267 ވަނަ މާއްދާއިން ޤާނޫނުއަސާސީއަށް ބަދަލުގެނައުން މަނާކޮށްފައިވާ ހާލަތެއް ކަމަށް ބެލެވޭނެ އެއްވެސް ހަމައެއް އޮތްކަމަށް ނުފެނެއެވެ.

ޤާނޫނުއަސާސީގެ 231 ވަނަ މާއްދާ އިޞްލާޙުކުރުމެއްނެތި، ޤާނޫނު ނަންބަރު 2019/22 (ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށް 5 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނު) ގެ 4 ވަނަ މާއްދާ އިޞްލާޙު ކުރުމުން ކުރިމަތިވެދާނެ ޤާނޫނީ މައްސަލައެއް އޮތްތޯ

ޤާނޫނުއަސާސީގެ 95 ވަނަ މާއްދާގެ ދަށުން ސުޕްރީމް ކޯޓުގެ އިސްތިޝާރީ ލަފައެއް ހޯދުމަށް ރައްޔިތުންގެ މަޖިލީހުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ފޯމުގައި ބަޔާންކޮށްފައިވާ މައްސަލައިގައި ސުޕްރީމް ކޯޓުގެ އިސްތިޝާރީ ލަފައެއް ބޭނުންކަމަށް ބަޔާންކޮށްފައިވާ ދެވަނަ ނުކުތާގައި ބަޔާން ކޮށްފައިވަނީ، ޤާނޫނުއަސާސީގެ 231 ވަނަ މާއްދާގައި އަތޮޅު ކައުންސިލުތަކާއި، ރަށު ކައުންސިލުތަކާއި ސިޓީ ކައުންސިލުތަކަށް މެންބަރުން އިންތިޚާބުކުރާ ގޮތް ބަޔާންކޮށްފައިވާއިރު، ޤާނޫނުއަސާސީގެ އެ މާއްދާ އިޞްލާޙު ކުރުމެއް ނެތި، ޤާނޫނު ނަންބަރު 2019/22 (ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށް 5 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނު) ގެ 4 ވަނަ މާއްދާއަށް އިޞްލާޙު ގެނެސް، މިހާރު އިންތިޚާބުވެފައި ތިބި އަތޮޅު ކައުންސިލުތަކާއި، ރަށު ކައުންސިލުތަކާއި ސިޓީ ކައުންސިލުތަކުގެ މެންބަރުން އެމީހުންގެ މަގާމުގައި ދެމިތިބޭނެ ކަމަށް ކަނޑައެޅުމުން ކުރިމަތިވެދާނެ ޤާނޫނީ މައްސަލަތަކަކީ ކޮބައިތޯއެވެ.

ޤާނޫނު ނަންބަރު 2019/22 (ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށް 5 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނު) ގެ 1 ވަނަ ނަންބަރާއި 2 ވަނަ ނަންބަރާއި 3 ވަނަ ނަންބަރުގައިވާ މާއްދާތަކުގެ ޒަރީއާއިން ޤާނޫނުއަސާސީގެ 231 ވަނަ މާއްދާ އިޞްލާޙުކުރެވި، އެ ޤާނޫނުގެ މި ބުނެވުނު ނަންބަރުތަކުގައިވާ މާއްދާތައް 8 ޑިސެމްބަރު 2019 އިން ފެށިގެން ޤާނޫނުއަސާސީގެ ބައެއް ކަމަށް ވެފައިވެއެވެ. ނަމަވެސް އިސްވެ މި ބުނި ޤާނޫނު ނަންބަރު 2019/22 (ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށް 5 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނު) ގެ 4 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މާއްދާއަކީ ޤާނޫނުއަސާސީގެ އެއްވެސް މާއްދާއަކަށް ބަދަލެއް ގެންނައުމުގެ މަގްސަދުގައި އެ ޤާނޫނުގައި ހިމަނާފައިވާ މާއްދާއެއް ނޫނެވެ. އެއީ މުޅިން ވަކި މަގްސަދެއްގައި އެ ޤާނޫނުގައި ހިމަނާފައިވާ މާއްދާއެކެވެ.

ޤާނޫނުއަސާސީގެ 266 ވަނަ މާއްދާގައި ބުނެފައިވަނީ ޤާނޫނުއަސާސީއަށް އިޞްލާހެއް ގެނައުމަށް ފާސްކުރާ ބިލެއްގައި، އެ ގެންނާންވީ އިޞްލާހަކާއި އެ އިޞްލާހަކާ ގުޅިގެން ކުރަންޖެހޭ ކަންތައްތައް ފިޔަވައި އިތުރު އެހެން ކަމެއް ހިމަނައިގެން ނުވާނެ ކަމަށެވެ. އެހެންކަމުން، ޤާނޫނުއަސާސީގެ ނައްސަށް ބަދަލު ނާންނަ އިތުރު ކަންކަން، ޤާނޫނުއަސާސީއަށް އިޞްލާހެއް ގެނައުމަށް ފާސްކުރާ ބިލެއްގައި ހިމެނުމަކީ އެ ބިލުގައި ހިމެނޭ، ނަމަވެސް ޤާނޫނުއަސާސީގައި ނުހިމެނޭ މާއްދާތަކުގެ ޤާނޫނީ ބުރަދަނާއި ނަތީޖާއާ މެދު އޮޅުން އަރައި ތަފާތު ގިނަ ގޮތްގޮތަށް މާނަކުރުމަށް މަގުފަހިވެގެން ހިނގައިދާނެ ކަމެއްކަމަށް ވާތީވެ، އެފަދަ ކަންކަމުން އެއްކިބާވާންޖެހޭނެ ކަމަށް ފެނެއެވެ.

މި އިސްތިޝާރީ ލަފާގެ 8 ވަނަ ނަންބަރުގެ (ނ) ގައި އިސްވެ ބަޔާންކޮށްފައިވާ ފަދައިން، ޤާނޫނުއަސާސީގައި ކަނޑައަޅައި ބަޔާންކޮށްފައިވާ އެއްވެސް ކަމަކަށް، އެއީ މަގާމެއްގެ މުއްދަތަށް ބަދަލު ގެނައުން ކަމަށް ވިޔަސް، އެއްވެސް ބަދަލެއް ގެނެވޭނީ ޤާނޫނުއަސާސީގެ 12 ވަނަ ބާބުގައި ބަޔާންކޮށްފައިވާ އުސޫލުތަކާއި އިޖުރާއަތުގެ ތެރެއިން ގެނެވޭ އިޞްލާޙަކުންނެވެ. ވީމާ، ޤާނޫނު ނަންބަރު 2019/22 (ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށް 5 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނު) ގެ 4 ވަނަ މާއްދާއަށް ގެނެވޭ އެއްވެސް އިޞްލާޙަކީ ނުވަތަ ބަދަލަކީ އިސްވެދިޔަ ޕެރެގްރާފުގައި ބުނެފައިވާ ސަބަބަށްޓަކައި، ޤާނޫނުއަސާސީއަށް ގެނެވޭ އިޞްލާޙެއް ނުވަތަ ބަދަލެއް ނޫނެވެ. އެހެންކަމުން، ޤާނޫނު ނަންބަރު 2019/22 (ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށް 5 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނު) ގެ 4 ވަނަ މާއްދާ އަށް ގެނެވޭ އެއްވެސް އިޞްލާޙަކުން، ޤާނޫނުއަސާސީގެ 231 ވަނަ މާއްދާގެ ދަށުން 2017 ގައި 3 އަހަރު ދުވަހުގެ މުއްދަތަށް އިންތިޚާބުކޮށްފައިވާ ކައުންސިލަރުންގެ މަގާމުގެ މުއްދަތު 3 ޖޫން 2020 އަށް ހަމަވުމުން، ލޯކަލް ކައުންސިލުތަކުގެ އިންތިޚާބެއް ބޭއްވޭނެ ރައްކާތެރި މާހައުލެއް ގާއިމުވެގެން އާ އިންތިޚާބެއް ބާއްވައި އާ ކައުންސިލަރުން އިންތިޚާބުކުރެވެންދެން އެ ކައުންސިލަރުންގެ މަގާމުގައި ތިބެވިދާނެ ކަމަށް ނުފެނެއެވެ. އެކަން ކުރެވޭނެ ކަމަށް ފެންނަނީ ޤާނޫނުއަސާސީގެ 231 ވަނަ މާއްދާގެ ނައްސުތަކަށް ސީދާގޮތެއްގައި ގެނެވޭ އިޞްލާޙަކުންނެވެ.

މަތީގައި މި ބަޔާންކުރި ސަބަބަށްޓަކައި، ހަވާލާ ދެވުނު އިސްތިޝާރީ ލަފައަށް އެދި ސުޕްރީމް ކޯޓަށް ހުށަހެޅި ފޯމުގައިވާ ގޮތަށް، ޤާނޫނުއަސާސީގެ 231 ވަނަ މާއްދާ ބަދަލުނުކޮށް، އެ ފޯމާއެކު ފޮނުވާފައިވާ ބިލެއްދޫ ދާއިރާގެ އިއްޒަތްތެރި މެންބަރު އަހްމަދު ހަލީމް ހުށަހެޅި ޤާނޫނު ނަންބަރު 2019/22 (ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށް 5 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލުން އެ ޤާނޫނުގެ 4 ވަނަ މާއްދާ ބަދަލުކުރި ނަމަވެސް، އޭގެ ނަތީޖާއަކީ ޤާނޫނުއަސާސީގައިވާ ގޮތުގެ މަތިން ޤާނޫނުއަސާސީއަށް ގެނެވޭ ބަދަލަކަށް ނުވާނެތީވެ، 4 އެޕްރީލް 2020 ގައި ދިވެހިރާއްޖޭގައި ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާ ލޯކަލް ކައުންސިލުތަކުގެ އިންތިޚާބު ފަސްކުރަންޖެހުމާ ގުޅިގެން، އެ އިންތިޚާބު ބޭއްވުމަށް ރައްކާތެރި މާހައުލެއް ގާއިމްވެ އާ އިންތިޚާބެއް ބޭއްވުމާ ހަމައަށް ދިމާވާ ޤާނޫނީ ހުސްކަން ފިލައިގެން ދާނޭ އަދި އެކަމަށް ޤާނޫނީ ހައްލެއް ލިބިދޭ ގޮތެއް ކަމަށް ނުފެނެއެވެ.

ހަވާލާދެވުނު އިސްތިޝާރީ ލަފައަށް އެދި ހުށަހެޅި ފޯމުގައި ބަޔާންކޮށްފައިވާ، ބިލެއްދޫ ދާއިރާގެ އިއްޒަތްތެރި މެންބަރު އަހްމަދު ހަލީމް ހުށަހަޅައިގެން ރައްޔިތުންގެ މަޖިލީހުގައި މިހާރު ބަހުސް ކުރެވެމުންދާ ޤާނޫނު ނަންބަރު 2019/22 (ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށް 5 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލުގައި އިޞްލާޙު ކުރަން މިހާރު ހުށަހަޅާފައިވާ އެ ޤާނޫނުގެ 4 ވަނަ މާއްދާއަށް އިޞްލާޙު ގެނައުމުގެ ބަދަލުގައި އެ ބިލުން ނުވަތަ އެނޫންވެސް ބިލަކުން ޤާނޫނުއަސާސީގެ 231 ވަނަ މާއްދާގެ ނައްސަށް އިޞްލާޙު ގެނެސް، އެ ގޮތުން ގެނެވޭ އިޞްލާޙު ޤާނޫނުއަސާސީގެ 231 ވަނަ މާއްދާގެ ބައެއްގެ ގޮތުގައި ހިމެނޭ ތާރީޚުން ފެށިގެން ދެން އެންމެ އަވަހަށް ބޭއްވޭ ލޯކަލް ކައުންސިލުތަކުގެ އިންތިޚާބު ބޭއްވެންދެން 3 ޖޫން 2017 ގައި މަގާމާ ހަވާލުވި ކައުންސިލަރުން އެ މަގާމުތަކުގައި ތިބޭނެ ކަމަށް ސަރީހަ ބަހުން ބަޔާންކޮށްގެން މެނުވީ، 4 އެޕްރީލް 2020 ގައި ދިވެހިރާއްޖޭގައި ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާ ލޯކަލް ކައުންސިލުތަކުގެ އިންތިޚާބު ފަސްކުރަންޖެހުމާ ގުޅިގެން، އެ އިންތިޚާބު ބޭއްވުމަށް ރައްކާތެރި މާހައުލެއް ގާއިމްވެ އާ އިންތިޚާބެއް ބޭއްވުމާ ހަމައަށް ދިމާވާ ޤާނޫނީ ހުސްކަން ޤާނޫނުއަސާސީއާ އެއްގޮތްވާ ގޮތުގެ މަތިން ފޫބެއްދޭނެ ކަމަށް އަހުރެން ނުދެކެމެވެ.

ހަވާލާދެވުނު ގޮތުގެ މަތިން ޤާނޫނުއަސާސީގެ ނައްސަށް ގެނެވޭ ބަދަލަކީ ހަމައެކަނި ވަގުތީ ބަދަލެއް ކަމަށްވުމުން، ވަގުތީ މާއްދާއެއް ޤާނޫނުއަސާސީގެ އޮޕަރޭޓިވް ބައިގައި ހިމެނުމަކީ، އެންމެ ރަނގަޅު ގޮތެއް ކަމަށް ނުވެ ހިނގައިދާނެ ކަމަށް ބުރަވެވޭނަމަ، ޤާނޫނުއަސާސީގެ 231 ވަނަ މާއްދާގެ ނައްސަށް ބަދަލުގެނައުމުގެ ބަދަލުގައި މި މަގްސަދު ހާސިލުކުރުމަށްޓަކައި ޤާނޫނުއަސާސީގެ 13 ވަނަ ބާބުގެ ފަހަތުގައި ވަކިން އިންތިގާލީ މާއްދާއެއް ހިމެނުމަކީވެސް އެންމެ ރަނގަޅުގޮތެއް ކަމަށް ފެނެއެވެ.

އުއްތަމަ ފަނޑިޔާރު، އަޙްމަދު މުޢްތަސިމް ޢަދްނާންގެ ރައުޔު

ފަނޑިޔާރު ޙުސްނުއް ސުޢޫދުގެ ރައުޔަށް އަހުރެން ތާއީދު ކުރަމެވެ.

ފަނޑިޔާރު، ޑރ. އަޒްމިރާލްދާ ޒާހިރުގެ ރައުޔު

ފަނޑިޔާރު ޙުސްނުއް ސުޢޫދުގެ ރައުޔަށް އަހުރެން ތާއީދު ކުރަމެވެ.

ފަނޑިޔާރު، ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔު

ރައްޔިތުންގެ މަޖިލީހުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އިޝްތިޝާރީ ލަފައަކަށް އެދިވަޑައިގެންފައިވާ ކަންކަމުގެ ތެރެއިން، އިންތިޚާބު ބޭއްވުމަށް ރައްކާތެރި މާހައުލެއް ގާއިމްވެ އާ އިންތިޚާބެއް ބޭއްވުމާ ހަމައަށް ދިމާވާ ގާނޫނީ ހުސްކަން ޤާނޫނުއަސާސީއާ އެއްގޮތްވާ ގޮތުގެ މަތިން ފޫބެއްދޭނެ ގާނޫނީ ހަމައަކީ ކޮބައިކަމާމެދު ކުރައްވާފައިވާ ސުވާލާއި ގުޅިގެން ފަނޑިޔާރު ޙުސްނުއް ސުޢޫދުގެ ރައުޔުގައި ފާހަގަކުރައްވާފައިވާ ހުރިހާ ނުކުތާތަކަކަށް އަޅުގަނޑު ތާއީދުކުރަމެވެ. އަދި އިޝްތިޝާރީ ލަފައަކަށް އެދިވަޑައިގެން ރައްޔިތުންގެ މަޖިލީހުން ފާހަގަކުރައްވާފައިވާ ދެވަނަ ނުކުތާ (ޤާނޫނުއަސާސީގެ 231 ވަނަ މާއްދާ އިޞްލާޙުކުރުމެއްނެތި، ޤާނޫނު ނަންބަރު 2019/22 (ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށް 5 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނު) ގެ 4 ވަނަ މާއްދާ އިޞްލާޙު ކުރުމުން ކުރިމަތިވެދާނެ ޤާނޫނީ މައްސަލައެއް އޮތްތޯ) އާ ގުޅިގެން، ފަނޑިޔާރު ޙުސްނުއް ސުޢޫދުގެ ރައުޔުގައި ފާހަގަކުރައްވާފައިވާ ފަދައިން، އެކަންކުރެވޭނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 231 ވަނަ މާއްދާއަށް އިޞްލާޙު ގެނެސްގެން ކަމުގައި އޮތް އޮތުމަށް އަހުރެން ތާއީދުކޮށް، އަންނަވި ކަންކަން ފާހަގަކުރަމެވެ.

ޤާނޫނުއަސާސީގެ 231 ވަނަ މާއްދާއަށް އިޞްލާޙު ގެނައުމުގެ އިތުރުން، މިހާލަތު ކުރިމަތިވުމުން، ޤާނޫނު ނަންބަރު 2019/22 (ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށް 5 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނު) ގައި ޤާނޫނުއަސާސީގައި ހިމެނުމަށް ބަޔާންކޮށްފައިވާ މާއްދާތަކަށް ކަންކުރާނެގޮތް ލިޔެފައިވާ، އެ ޤާނޫނުގެ 4 ވަނަ މާއްދާއަށް، ދެން ވެގެންދާނެގޮތާމެދު ރައްޔިތުންގެ މަޖިލީހުން ވަކި ޤާނޫނީ ޙައްލެއް ލިބިދިނުން މުހިންމުކަމުގައި އަހުރެން ދެކެމެވެ.

ޤާނޫނުއަސާސީގެ 13 ވަނަ ބާބަކީ މުޅި ޤާނޫނުއަސާސީ މާނަކުރުމާ އެއަށް ޢަމަލުކުރުމާގުޅޭ މާއްދާތަކެއް ހިމަނާފައިވާ ބާބެއްކަމުން، ފަނޑިޔާރު ޙުސްނުއް ސުޢޫދުގެ ރައުޔުގެ 15 ވަނަ ނުކުތާގައި ފާހަގަކުރައްވާފައިވާގޮތަށް، އެ ބާބުގެ ތެރެއަށް، ވަކި ޚާއްޞަކަމަކާގުޅޭ މާއްދާއެއް ނުވަތަ މާއްދާތަކެއް ހިމެނުމަކީ އެންމެ އެކަށޭނަ ގޮތްކަމާމެދު އަހުރެން ސުވާލުކުރާކަމުގައިވެސް ބުނަމެވެ.

ފަނޑިޔާރު، މަހާޒް ޢަލީ ޒާހިރުގެ ރައުޔު

ފަނޑިޔާރު ޙުސްނުއް ސުޢޫދުގެ ރައުޔަށް އަހުރެން ތާއީދު ކުރަމެވެ.

ނިންމުން

ދެންފަހެ، ކޮވިޑް-19 ރޯގާ އާއި ގުޅިގެން ދިވެހިރާއްޖެއަށާއި މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ބަލިމަޑުކަމާ ގުޅިގެން، އަދި ދިވެހިރާއްޖޭގައި އެ ބަލިމަޑުކަމާ ގުޅިގެން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާނުކޮށްފައި އޮތުމުގެ ސަބަބުން، 4 އެޕްރީލް 2020 ގައި ދިވެހިރާއްޖޭގައި ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާ ލޯކަލް ކައުންސިލުތަކުގެ އިންތިޚާބު ފަސްކުރަންޖެހުމާ ގުޅިގެން، އެ އިންތިޚާބު ބޭއްވުމަށް ރައްކާތެރި މާހައުލެއް ގާއިމްވެ އާ އިންތިޚާބެއް ބޭއްވުމާ ހަމައަށް ދިމާވާ ޤާނޫނީ ހުސްކަން ޤާނޫނުއަސާސީއާ އެއްގޮތްވާ ގޮތުގެ މަތިން ފޫބެއްދޭނެ ޤާނޫނީ ހަމައަކީ ކޮބައިކަމާއި، އަދި، ޤާނޫނުއަސާސީގެ 231 ވަނަ މާއްދާގައި އަތޮޅު ކައުންސިލުތަކާއި، ރަށު ކައުންސިލުތަކާއި ސިޓީ ކައުންސިލުތަކަށް މެންބަރުން އިންތިޚާބުކުރާ ގޮތް ބަޔާންކޮށްފައިވާއިރު، އެ މާއްދާ އިޞްލާޙު ކުރުމެއް ނެތި، ޤާނޫނު ނަންބަރު 2019/22 (ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށް 5 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނު) ގެ 4 ވަނަ މާއްދާއަށް ރައްޔިތުންގެ މަޖިލީހުން އިޞްލާޙު ގެނެސް، މިހާރު އިންތިޚާބުވެފައި ތިބި އަތޮޅު ކައުންސިލުތަކާއި، ރަށު ކައުންސިލުތަކާއި ސިޓީ ކައުންސިލުތަކުގެ މެންބަރުން އެމީހުންގެ މަގާމުގައި ދެމިތިބޭނެ ކަމަށް ކަނޑައެޅުމުން ކުރިމަތި ވެދާނެ ޤާނޫނީ މައްސަލަތަކާ ގުޅޭ ގޮތުން، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 95 ވަނަ މާއްދާގެ ދަށުން ސުޕްރީމް ކޯޓުގެ އިސްތިޝާރީ ލަފައެއް ހޯދުމަށް ރައްޔިތުންގެ މަޖިލީހުން މި ކޯޓުގައި އެދުނު ހިނދު،

މަތީގައި މި ބުނެވުނު ކަންކަމާ ގުޅިގެން ޖުމްލަ ގޮތެއްގައި ސުޕްރީމް ކޯޓުގެ ލަފައަކީ ޤާނޫނު ނަންބަރު 2019/22 (ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށް 5 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލުގައި އިޞްލާޙު ކުރަން މިހާރު ހުށަހަޅާފައިވާ އެ ޤާނޫނުގެ 4 ވަނަ މާއްދާއަށް އިޞްލާޙު ގެނައުމުގެ ބަދަލުގައި އެ ބިލުން ނުވަތަ އެނޫންވެސް ބިލަކުން ޤާނޫނުއަސާސީގެ 231 ވަނަ މާއްދާގެ ނައްސަށް އިޞްލާޙު ގެނެސް، ނުވަތަ ޤާނޫނުއަސާސީގެ 231 ވަނަ މާއްދާގެ ނައްސަށް ބަދަލުގެނައުމުގެ ބަދަލުގައި އެ މަގުސަދު ހާސިލުކުރުުމަށްޓަކައި ޤާނޫނުއަސާސީގެ 13 ވަނަ ބާބުގެ ފަހަތުގައި ވަކިން އިންތިޤާލީ މާއްދާއެއް ހިމަނައި، އެގޮތުން ގެނެވޭ އިޞްލާޙު ޤާނޫނުއަސާސީގެ ބައެއްގެ ގޮތުގައި ހިމެނޭ ތާރީޚުން ފެށިގެން ދެން އެންމެ އަވަހަށް ބޭއްވޭ ލޯކަލް ކައުންސިލުތަކުގެ އިންތިޚާބު ބޭއްވެންދެން 3 ޖޫން 2017 ގައި މަގާމާ ހަވާލުވި ކައުންސިލަރުން އެ މަގާމުތަކުގައި ތިބޭނެ ކަމަށް ސަރީހަ ބަހުން ބަޔާންކޮށްގެން މެނުވީ، 4 އެޕްރީލް 2020 ގައި ދިވެހިރާއްޖޭގައި ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާ ލޯކަލް ކައުންސިލުތަކުގެ އިންތިޚާބު ފަސްކުރަންޖެހުމާ ގުޅިގެން، އެ އިންތިޚާބު ބޭއްވުމަށް ރައްކާތެރި މާހައުލެއް ގާއިމްވެ އާ އިންތިޚާބެއް ބޭއްވުމާ ހަމައަށް ދިމާވާ ޤާނޫނީ ހުސްކަން ޤާނޫނުއަސާސީއާ އެއްގޮތްވާ ގޮތުގެ މަތިން ފޫބެއްދޭނެ ކަމަށް ނުފެންނަ ކަމެވެ.

މި އިސްތިޝާރީ ލަފާ ދީފައިވަނީ

އަޒްމިރާލްދާ ޒާހިރުއަޙްމަދު މުޢުތަޞިމް ޢަދުނާންޢާއިޝާ ޝުޖޫން މުޙައްމަދު(ފަނޑިޔާރު)

(އުއްތަމަ ފަނޑިޔާރު)

(ފަނޑިޔާރު)

މަޙާޒު ޢަލީ ޒާހިރުޙުސްނުއް ސުޢޫދު(ފަނޑިޔާރު)

(ފަނޑިޔާރު)

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ޝެއަރ ކުރައްވާ