ދިވެހިރާއްޖޭގެ މަތީ މަރުޙަލާގެ ކޯޓުތަކުން ކަނޑައަޅާފައިވާ ޤާނޫނީ އުޞޫލުތައް

Maldives Legal Precedents

Saeed Lex
2020/SC-C/39ސުޕްރީމް ކޯޓު · 4 ނޮވެމްބަރު 2020 · ދުސްތޫރީ – ސުޕްރީމް ކޯޓުގެ އަސްލީ އިޚްތިޞާޞް (ޢާންމު މަޞްލަޙަތާ ގުޅިފައިވާ ދުސްތޫރީ މައްސަލަ)

މުޙައްމަދު ޙަލީމް

ސުޕްރީމް ކޯޓުސުޕްރީމް ކޯޓުގެ އަސްލީ އިޚްތިޞާޞްގެ ދަށު…
ފަހުގެ ޙުކުމެއްގައި ޙަވާލާދީފައެއް ނުފެނޭޙުކުމުގެ ހާލަތު
ސުޕްރީމް ކޯޓު · 4 ނޮވެމްބަރު 2020ބާވަތް: ދުސްތޫރީ

ޚުލާޞާ

ވާޤިޢާ
ކޮވިޑް-19 އާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާއާއި ނައިބާއި މުސްތަޤިއްލު މުއައްސަސާތަކުގެ މެންބަރުންގެ މުސާރަ، ޚާއްޞަ ޤާނޫނުތަކަށް ބަދަލު ނުގެނެސް ކުޑަކުރުމަށް ރައްޔިތުންގެ މަޖިލީހުން 20 މޭ 2020 ގައި ނިންމިއެވެ. އެ ނިންމުން ބާޠިލުކުރުމަށް އެދި ފަރުދަކު ދަޢުވާ ރައްދުވާ ފަރާތެއް ނެތި (Ex parte) ސުޕްރީމް ކޯޓުގައި ދުސްތޫރީ މައްސަލައެއް ހުށަހެޅިއެވެ.
ކޯޓުން ނިންމަން ޖެހުނު ސުވާލު
ކޮވިޑް-19 އާ ގުޅިގެން ޚާއްޞަ ޤާނޫނުތަކުގައި ކަނޑައެޅިފައިވާ މުސާރަތައް ކުޑަކުރުމަށް ރައްޔިތުންގެ މަޖިލީހުން ނިންމި ނިންމުން ބާޠިލުކުރުމަށް އެދި ފަރުދަކު ހުށަހެޅި މައްސަލައަކީ ކޯޓުތަކުގެ ޤާނޫނުގެ 11 ވަނަ މާއްދާގެ (ހ) ގެ ދަށުން ސުޕްރީމް ކޯޓުގެ އަސްލީ އިޚްތިޞާޞް ލިބިގެންވާ މައްސަލައެއްތޯ.
ޚަޞްމުންގެ ހުށަހެޅުންތައް
ހުށަހެޅި ފަރާތުން ބުނީ ޤާނޫނެއްގައި ކަނޑައެޅިފައިވާ މުސާރަ ބަދަލުކުރެވޭނީ ޤާނޫނަކުން ކަމާއި، އެ ނިންމުމަކީ ޤާނޫނުއަސާސީގެ 118 ވަނަ މާއްދާއާއި ގުޅުންހުރި ޚާއްޞަ ޤާނޫނުތަކާއި މާނަކުރުމުގެ ޤާނޫނާ ޚިލާފު ބާޠިލު ނިންމުމެއް ކަމަށެވެ.
ކޯޓުގެ ސަބަބުތައް
ސުޕްރީމް ކޯޓަށް އަސްލީ އިޚްތިޞާޞް ލިބިގެންވަނީ ކޯޓުތަކުގެ ޤާނޫނުގެ 11 ވަނަ މާއްދާގެ (ހ) ގައިވާ 3 ބާވަތެއްގެ ދުސްތޫރީ މައްސަލަތަކުގައެވެ. މިއީ ޢާންމު މަޞްލަޙަތާ ގުޅިފައިވާ ދުސްތޫރީ މައްސަލައެއްކަން ހުށަހެޅި ފަރާތަށް ސާބިތުކޮށްދެވިފައި ނުވާއިރު، ހުށަހެޅި ކަންކަމަކީ ވަކިވަކި ފަރުދުންނަށް ކޮށްފާނެ އަސަރުތަކުގެ ވާހަކައެވެ.

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
—
ފަހުގެ ތާރީޚު
—

ނިންމުން

ސުޕްރީމް ކޯޓުގެ އަސްލީ އިޚްތިޞާޞްގެ ދަށު…

ސުޕްރީމް ކޯޓުގެ އަސްލީ އިޚްތިޞާޞްގެ ދަށުން ބެލޭނެ މައްސަލައެއް ނޫންކަމަށް ކަނޑައެޅި

ކޯ ޓާމްސް

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

ސުޕްރީމް ކޯޓަށް އަސްލީ އިޚްތިޞާޞް ލިބިގެންވާނީ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 9 ވަނަ މާއްދާގެ (ށ) އަދި 11 ވަނަ މާއްދާގެ (ހ) ގައިވާ 3 ބާވަތެއްގެ ދުސްތޫރީ މައްސަލަތަކެއްގައެވެ. އެއީ، ޤައުމު ދުސްތޫރީ ހުސްކަމަކަށް ހިނގައިދާނެ ނުވަތަ ދުސްތޫރީ ނިޒާމުން ބޭރުވެދާފަދަ ޤާނޫނީ ސަބަބުތަކެއް އެކުލެވިގެންވާ މައްސަލަ؛ ދައުލަތުގެ ދެ މުއައްސަސާއެއްގެ ދެމެދުގައި ނުވަތަ ދެބާރެއްގެ ދެމެދުގައި ޤާނޫނުއަސާސީ މާނަކުރުމާގުޅޭގޮތުން އުފެދޭ މައްސަލަ؛ ނުވަތަ ޤައުމުގެ ޢާންމު މަޞްލަޙަތާ ގުޅިފައިވާ ދުސްތޫރީ މައްސަލައެވެ.

މައްސަލައަކީ ކޯޓުތަކުގެ ޤާނޫނުގެ 11 ވަނަ މާއްދާގެ (ހ) ގެ (3) ގައި ބުނެފައިވާފަދަ ސުޕްރީމް ކޯޓުގެ އަސްލީ އިޚްތިޞާޞް ލިބިގެންވާ ޤައުމުގެ ޢާންމު މަޞްލަޙަތާ ގުޅިފައިވާ ދުސްތޫރީ މައްސަލައެއް ކަން ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެމަތިން ޝަރީޢަތަށް ސާބިތު ކޮށްދޭންވާނީ މައްސަލަ ހުށަހަޅާ ފަރާތުންނެވެ؛ ވަކިވަކި ފަރުދުންނާ ގުޅުންހުރި އަދި އެ ފަރާތްތަކަށް ފަރުދީގޮތެއްގައި ކޮށްފާނެ އަސަރުތަކެއްގެ ވާހަކައަކީ އެފަދަ މައްސަލައެއް ނޫނެވެ.

ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް

  • ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 9 ވަނަ މާއްދާގެ (ށ) އާއި 11 ވަނަ މާއްދާގެ (ހ)
  • ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 106، 118 އަދި 144 ވަނަ މާއްދާގެ (ހ) އާއި (ށ) (ހުށަހެޅި ފަރާތުން ބަރޯސާވި)
  • ސުޕްރީމް ކޯޓުގެ ގަވާއިދު (2009) ގެ 38 ވަނަ މާއްދާގެ (ށ) ގެ 2 (ހުށަހެޅި ފަރާތުން ބަރޯސާވި)
  • ޤާނޫނު ނަންބަރު 11/2009 (ރައީސުލްޖުމްހޫރިއްޔާއާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މުސާރައާއި އެހެނިހެން ޢިނާޔަތްތަކާބެހޭ ޤާނޫނު) ގެ 3 އަދި 10 ވަނަ މާއްދާ (ހުށަހެޅި ފަރާތުން ބަރޯސާވި)
  • ޤާނޫނު ނަންބަރު 4/2011 (މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނު) ގެ 17 ވަނަ މާއްދާ އާއި 37 ވަނަ މާއްދާގެ (ހ) (ހުށަހެޅި ފަރާތުން ބަރޯސާވި)
  • ޤާނޫނު ނަންބަރު 6/2006 (ހިޔުމަން ރައިޓްސް ކޮމިޝަނުގެ ޤާނޫނު) ގެ 17 ވަނަ މާއްދާގެ (ށ)؛ ޤާނޫނު ނަންބަރު 8/2008 (އިލެކްޝަންސް ކޮމިޝަނުގެ ޤާނޫނު) ގެ 16 ވަނަ މާއްދާގެ (ށ)؛ ޤާނޫނު ނަންބަރު 9/2008 (ޕްރޮސިކިއުޓަރ ޖެނެރަލްގެ ޤާނޫނު) ގެ 11 ވަނަ މާއްދާގެ (ށ)؛ ޤާނޫނު ނަންބަރު 10/2008 (ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނު) ގެ 16 ވަނަ މާއްދާގެ (ހ)؛ ޤާނޫނު ނަންބަރު 13/2008 (އެންޓި- ކޮރަޕްޝަން ކޮމިޝަނުގެ ޤާނޫނު) ގެ 16 ވަނަ މާއްދާގެ (ށ)؛ ޤާނޫނު ނަންބަރު 8/2011 (ދިވެހިރާއްޖޭގެ ކަސްޓަމްސްގެ ޤާނޫނު) ގެ 40 ވަނަ މާއްދާގެ (ށ)؛ ޤާނޫނު ނަންބަރު 1/2014 (މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނު) ގެ 50 ވަނަ މާއްދާގެ (ހ) (ހުށަހެޅި ފަރާތުން ބަރޯސާވި)

ފަނޑިޔާރުން

ބެންޗު
އަޙްމަދު މުޢުތަޞިމް ޢަދުނާން، ޑރ. އަޒްމިރާލްދާ ޒާހިރު، ޢާއިޝާ ޝުޖޫން މުޙައްމަދު، މަޙާޒު ޢަލީ ޒާހިރު، ޑރ. މުޙައްމަދު އިބްރާހީމް
ރިޔާސަތު
އަޙްމަދު މުޢުތަޞިމް ޢަދުނާން
ރައުޔު ލިޔުނު ފަނޑިޔާރު
އަޙްމަދު މުޢުތަޞިމް ޢަދުނާން · ތާއީދުކުރެއްވީ: ޑރ. އަޒްމިރާލްދާ ޒާހިރު، ޢާއިޝާ ޝުޖޫން މުޙައްމަދު، މަޙާޒު ޢަލީ ޒާހިރު
ޚިލާފު ރައުޔު
ނެތް

ޝަރީޢަތުގެ ވީޑިއޯ

ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.

އުއްތަމަ ފަނޑިޔާރު އަޙްމަދު މުޢުތަޞިމް ޢަދުނާންގެ ރައުޔު (ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު، ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދު، ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރު އަދި ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމް ތާއީދު ކުރައްވާފައި)

ތަޢާރުފު

ރައީސުލްޖުމްހޫރިއްޔާއާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އިތުރުން، ޤާނޫނަކުން ކަނޑައަޅައި ޢައްޔަންކޮށް އިންތިޚާބުކޮށްފައިވާ ފަރާތްތަކުގެ ތެރެއިން ރައްޔިތުންގެ މަޖިލީހުން މުސާރަ ކަނޑައަޅަންޖެހޭކަމަށް ބަޔާންކޮށްފައިވާ ގިނަ ފަރާތްތަކެއްގެ މުސާރަ އެފަރާތްތަކާގުޅޭ ޚާއްޞަ ޤާނޫނުގައި ކަނޑައަޅާފައި ވާގޮތާ ޚިލާފަށް، އެ ޤާނޫނުތަކަށް ބަދަލު ގެނައުމަކާނުލައި ކޮވިޑް-19 އާ ގުޅިގެން ރައްޔިތުންގެ މަޖިލީހުން ކަނޑައަޅަންޖެހޭ މުސާރަތައް ކުޑަކުރުމަށް 18 މާރިޗު 2020 ގައި ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ނިންމާފައިވާ ނިންމުން އަލުން މުރާޖަޢާކުރުމުގެ މައްސަލަ، މާލިއްޔަތު ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓު، 2020 މޭ 20 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުން ފާސްކޮށް ނިންމި ނިންމުމެއްގެ މައްޗަށް ބިނާކޮށް، ރައްޔިތުންގެ މަޖިލީހުން ނިންމި ނިންމުމަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި،

ޤާނޫނު ނަންބަރު 2009/11 (ރައީސުލްޖުމްހޫރިއްޔާއާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މުސާރައާއި އެހެނިހެން ޢިނާޔަތްތަކާބެހޭ ޤާނޫނު) އާއި،

ޤާނޫނު ނަންބަރު 2006/6 (ހިޔުމަން ރައިޓްސް ކޮމިޝަނުގެ ޤާނޫނު) އާއި،

ޤާނޫނު ނަންބަރު 2008/8 (އިލެކްޝަންސް ކޮމިޝަނުގެ ޤާނޫނު) އާއި،

ޤާނޫނު ނަންބަރު 2008/9 (ޕްރޮސިކިއުޓަރ ޖެނެރަލްގެ ޤާނޫނު) އާއި،

ޤާނޫނު ނަންބަރު 2008/10 (ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނު) އާއި،

ޤާނޫނު ނަންބަރު 2008/13 (އެންޓި- ކޮރަޕްޝަން ކޮމިޝަނުގެ ޤާނޫނު) އާއި،

ޤާނޫނު ނަންބަރު 2011/8 (ދިވެހިރާއްޖޭގެ ކަސްޓަމްސްގެ ޤާނޫނު) އަދި

ޤާނޫނު ނަންބަރު 2014/1 (މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނު)

އާ ޚިލާފަށް ނިންމާފައިވާ ނިންމުމެއް ކަމަށްވާތީ އެނިންމުމަކީ ބާޠިލު ނިންމުމެއް ކަމުގައި ކަނޑައަޅައި ދިނުމަށް އެދި، […]، މުޙައްމަދު ޙަލީމް (ދިވެހި ރައްޔިތެއްކަން އަންގައިދޭ (މީގެ ފަހުން: "މުޙައްމަދު ޙަލީމް") ގެ ފަރާތުން ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅިއެވެ.

މި މައްސަލައަކީ އިސްވެބުނެވުނު ރައްޔިތުންގެ މަޖިލީހުގެ ނިންމުމުގައި ހުރި އެބައިތަކަކީ ޤާނޫނާ ޚިލާފު ބާޠިލު ނިންމުމެއްކަމުގައި ކަނޑައަޅައި ދިނުމަށް އެދި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 144 ވަނަ މާއްދާގެ (ހ) އާއި (ށ)، އަދި ސުޕްރީމް ކޯޓުގެ ގަވާއިދު (2009) ގެ 38 ވަނަ މާއްދާގެ (ށ) ގެ 2 ވަނަ ނަންބަރާ ޙަވާލާދީ މުޙައްމަދު ޙަލީމްގެ ފަރާތުން ދަޢުވާ ރައްދުވާ ވަކި ފަރާތެއް ނެތި، "އެކްސް ޕާޓޭ" (Ex parte) މައްސަލައެއްގެ ގޮތުގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅުމުން ބެލިފައިވާ މައްސަލައެކެވެ.

ސުޕްރީމް ކޯޓަށް ހުށަހެޅުނު ނުކުތާތައް

މި މައްސަލައިގައި މުޙައްމަދު ޙަލީމްގެ ފަރާތުން މައިގަނޑު 2 (ދޭއް) ނުކުތާ ފާހަގަކޮށްފައިވެއެވެ. އެ ނުކުތާތަކަކީ:

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 106 ވަނަ މާއްދާގައި، ދިވެހި ދައުލަތާއި، ސަރުކާރުގެ އެންމެ މަތީވެރިޔަކީ ރައީސުލްޖުމްހޫރިއްޔާ ކަމަށް ކަނޑައަޅައި، ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބަށް މުސާރައާއި އެހެނިހެން ޢިނާޔަތްތައް ކަނޑައަޅާނީ ރައްޔިތުންގެ މަޖިލީހުންކަމަށް ޤާނޫނުއަސާސީގެ 118 ވަނަ މާއްދާގައި ބަޔާންކޮށްފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާ؛ މި ނުކުތާއާ ގުޅިގެން އަންނަނިވި ކަންކަން ފާހަގަ ކޮށްފައިވެއެވެ.

3.1.1- ޤާނޫނުއަސާސީގެ 118 ވަނަ މާއްދާގައިވާގޮތުގެ މަތިން ރައްޔިތުންގެ މަޖިލީހުން ޤާނޫނެއް ފާސްކޮށްފައިވާކަމާއި އެ ޤާނޫނަކީ ޤާނޫނު ނަންބަރު 2009/11 (ރައީސުލްޖުމްހޫރިއްޔާއާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މުސާރައާއި އެހެނިހެން ޢިނާޔަތްތަކާބެހޭ ޤާނޫނު) ކަމާއި، އެގޮތުން އެ ޤާނޫނުގެ 3 ވަނަ މާއްދާގައި ރައީސުލްޖުމްހޫރިއްޔާގެ މުސާރައަކީ މަހަކު100,000.00 (އެއްލައްކަ) ރުފިޔާކަމާއި، އަދި އެ ޤާނޫނުގެ 10 ވަނަ މާއްދާގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މުސާރައަކީ މަހަކު 75,000.00 (ހަތްދިހަ ފަސްހާސް) ރުފިޔާކަމަށް ބަޔާންކޮށްފައިވާކަން.

3.1.2- ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މުސާރައާއި އެހެނިހެން ޢިނާޔަތްތައް ވަކި ޚާއްޞަ ޤާނޫނަކުން ކަނޑައަޅައި ބަޔާންކުރެވިފައިވަނީ، ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މުސާރައާއި އެހެނިހެން ޢިނާޔަތްތަކަކީ، ބޭނުން ކޮންމެ ވަގުތަކު ބޭނުންވާ ގޮތަކަށް ފަސޭހަ ކަމާއެކު ބަދަލުގެނައުން ވީވަރަކުން ދުރުކުރުމުގެ ބޭނުމުގައިކަމާއި ރައީސުލްޖުމްހޫރިއްޔާއާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މުސާރައާއި އެހެނިހެން ޢިނާޔަތްތައް ފިޔަވައި އެހެން އެއްވެސް ފަރާތެއްގެ މުސާރައާއި ޢިނާޔަތްތައް ޤާނޫނަކުން ކަނޑައަޅައި ޢަމަލުކުރަމުން ނުދާކަން.

3.1.3- ޤާނޫނެއް ނުވަތަ ޤާނޫނަކުން ބައެއްވިޔަސް ބަދަލުކޮށް އެއަށް އިސްލާހެއް ގެނެވޭނީ ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނަކުން ކަމާއި ވަކި ޚާއްޞަ ޤާނޫނެއްގައި ކަނޑައެޅިފައިވާ ކަމެއް ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަކުން ނިންމާ އިޖުމާލީ ރިޕޯޓެއްގެ މައްޗަށް ބިނާކޮށް ރައްޔިތުންގެ މަޖިލީހުންވެސް ނުނިންމޭނެކަން.

3.1.4- ކޮވިޑް-19 އާ ގުޅިގެން ރައްޔިތުންގެ މަޖިލީހުން ކަނޑައަޅަންޖެހޭ މުސާރަތައް ކުޑަކުރުމަށް 18 މާރިޗު 2020 ގައި ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ނިންމާފައިވާ ނިންމުން އަލުން މުރާޖަޢާކުރުމުގެ މައްސަލަ، މާލިއްޔަތު ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓު، 2020 މޭ 20 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުން ފާސްކޮށް ނިންމި ނިންމުމަކީ ޤާނޫނު ނަންބަރު 2009/11 (ރައީސުލްޖުމްހޫރިއްޔާއާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މުސާރައާއި އެހެނިހެން ޢިނާޔަތްތަކާބެހޭ ޤާނޫނު) ގެ 3 ވަނަ މާއްދާ އާއި 10 ވަނަ މާއްދާއާ ޚިލާފު ނިންމުމެއްކަން.

3.1.5- ކޮވިޑް-19 ގެ ޙާލަތަކީ ޞިއްޙީ ޚާއްޞަ ޙާލަތެއްކަމާއި، ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ނިންމި ނިންމުމަކީ ޚާއްޞަ ޙާލަތެއްގައި ނިންމާފައިވާ ނިންމުމެއްކަމަށް ރައްޔިތުންގެ މަޖިލީހުން ދެކޭނަމަ އެކަމަށް އޮތް ޤާނޫނީ ޖަވާބަކީ، ޚާއްޞަ ޙާލަތެއްގައި ނިންމާ ނިންމުމެއްވެސް ވާންޖެހޭނީ ޤާނޫނުގައި ކަނޑައަޅާފައިވާ ގޮތުގެ މަތިން ޤާނޫނީ އިމުގެ ތެރެއިންކަން.

ޤާނޫނު މާނަކުރުމާ ގުޅޭ ގޮތުން، ޤާނޫނު ނަންބަރު 2011/4 (މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނު) ގެ 17 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ، "ޤާނޫނެއް މާނަކުރުމުގައި، އެ ޤާނޫނެއް އެކުލަވާލި މަޤްޞަދަށް، ނުވަތަ އެ ޤާނޫނުން ހާސިލުކުރަން ބޭނުންވާ އަމާޒުތައް ހާސިލުވާނެގޮތަށް ޤާނޫނު މާނަކުރުމަށް އިސްކަންދޭންވާނެއެވެ. އަދި އެ ޤާނޫނުގެ މަޤްޞަދުތައް ހާސިލުނުވާނެގޮތަކަށް އެ ޤާނޫނު މާނަކުރެވިގެން ނުވާނެއެވެ." މިފަދައިން ކަމާއި، މީގެ އިތުރުން ލާޒިމު ކަންކަމާއި ހުއްދަ ކަންކަމުގެ ތަފާތު ބަޔާންކޮށްދެމުން އިޝާރާތްކުރެވުނު ޤާނޫނުގެ 37 ވަނަ މާއްދާގެ (ހ) ގައި ބަޔާންވެފައިވަނީ، ޤާނޫނެއްގައި ވަކިގޮތަކަށް ޢަމަލުކުރަންވާނެ ކަމަށް ކަނޑައެޅިގެން ބަޔާންކޮށްފައިވާނަމަ، އެއީ، އެ ޤާނޫނުން އުފައްދާ ބަރީޢަވުމެއްނެތް ވާޖިބެއް ނުވަތަ އިލްތިޒާމެއްކަމުގައި ބަލަންވާނެއެވެ. އަދި ވަކިކަމެއް ކުރެވިދާނެކަމަށް ބަޔާންކޮށްފައިވާނަމަ، އެކަމަކީ އެކަމެއް ކުރުމުގައި ލާޒިމުކަމެއްނެތް، އެހެންނަމަވެސް އެކަމެއްކުރުމާއި ނުކުރުމުގައި އިޚުތިޔާރު އޮތް ހުއްދަކަމެއް ކަމުގައި ބަލަންވާނެއެވެ. މިފަދައިން ކަމަށް ބުނެ ހުށަހެޅި ނުކުތާ؛ މި ނުކުތާއާ ގުޅިގެން އަންނަނިވި ކަންކަން ފާހަގަ ކޮށްފައިވެއެވެ.

3.2.1- ޤާނޫނު ނަންބަރު 2006/6 (ހިޔުމަން ރައިޓްސް ކޮމިޝަނުގެ ޤާނޫނު) ގެ 17 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވަނީ، "ކޮމިޝަނުގެ ރައީސަށާއި ނާއިބުރައީސަށް ދެވޭ އުޖޫރައާއި މާލީ ޢިނާޔަތްތައް، އެމީހުންގެ މަޤާމުގެ މުއްދަތުގައި އުންޏެއް ނުކުރެވޭނެއެވެ. އަދި ކޮމިޝަނުގެ މެންބަރުންނަށް ދެވޭ އުޖޫރައާއި މާލީ ޢިނާޔަތްތައްވެސް، އެމީހުންގެ މެންބަރުކަމުގެ މުއްދަތުގައި އުންޏެއް ނުކުރެވޭނެއެވެ." މިފަދައިންކަން.

3.2.2- ޤާނޫނު ނަންބަރު 2008/8 (އިލެކްޝަންސް ކޮމިޝަންގެ ޤާނޫނު) ގެ 16 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވަނީ "ކޮމިޝަނުގެ ރައީސަށާއި ނާއިބުރައީސަށް ދެވޭ މުސާރައާއި ޢިނާޔަތްތައް، އެމީހުންގެ މަޤާމުގެ މުއްދަތުގައި އުންޏެއް ނުކުރެވޭނެއެވެ. އަދި ކޮމިޝަނުގެ މެންބަރުންނަށް ދެވޭ މުސާރަ އާއި ޢިނާޔަތްތައްވެސް، އެމީހުންގެ މެންބަރުކަމުގެ މުއްދަތުގައި އުންޏެއް ނުކުރެވޭނެއެވެ." މިފަދައިންކަން.

3.2.3- ޤާނޫނު ނަންބަރު 2008/9 (ޕްރޮސިކިއުޓަރ ޖެނެރަލްގެ ޤާނޫނު) ގެ 11 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވަނީ، "ޕްރޮސިކިއުޓަރ ޖެނެރަލްއަށް ދެވޭ މުސާރައާއި ޢިނާޔަތްތައް، އޭނާގެ މަޤާމުގެ މުއްދަތުގައި އުންޏެއް ނުކުރެވޭނެއެވެ." މިފަދައިންކަން.

3.2.4- ޤާނޫނު ނަންބަރު 2008/10 (ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނު) ގެ 16 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވަނީ، "...މިގޮތުގެމަތިން މެންބަރުންނަށް ދެވޭ މުސާރައާއި ޢިނާޔަތްތައް އެމީހުންގެ މެންބަރުކަމުގެ މުއްދަތުގައި އުންޏެއް ނުކުރެވޭނެއެވެ." މިފަދައިންކަން.

3.2.5- ޤާނޫނު ނަންބަރު 2008/13 (އެންޓި- ކޮރަޕްޝަން ކޮމިޝަނުގެ ޤާނޫނު) ގެ 16 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވަނީ، "ކޮމިޝަނުގެ ރައީސަށާއި ނާއިބުރައީސަށް ދެވޭ މުސާރައާއި ޢިނާޔަތްތައް، އެމީހުންގެ މަޤާމުގެ މުއްދަތުގައި އުންޏެއް ނުކުރެވޭނެއެވެ. އަދި ކޮމިޝަނުގެ މެންބަރުންނަށް ދެވޭ މުސާރައާއި ޢިނާޔަތްތައްވެސް، އެމީހުންގެ މެންބަރުކަމުގެ މުއްދަތުގައި އުންޏެއް ނުކުރެވޭނެއެވެ." މިފަދައިންކަން.

3.2.6- ޤާނޫނު ނަންބަރު 2011/8 (ދިވެހިރާއްޖޭގެ ކަސްޓަމްސްގެ ޤާނޫނު) ގެ 40 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވަނީ، "ކޮމިޝަންގެ މެންބަރުންނަށް ދެވޭ މުސާރައާއި އެހެނިހެން ޢިނާޔަތްތައް، މެންބަރުކަމުގެ މުއްދަތުގައި ޤާނޫނެއްގައި ބަޔާންކޮށްފައިވާ ގޮތަކަށްމެނުވީ އުންޏެއް ނުކުރެވޭނެއެވެ." މިފަދައިންކަން.

3.2.7- ޤާނޫނު ނަންބަރު 2014/1 (މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނު) ގެ 50 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވަނީ، "އިންފޮމޭޝަން ކޮމިޝަނަރުގެ މުސާރައާއި ޢިނާޔަތްތަކަކީ، ހިޔުމަން ރައިޓްސް ކޮމިޝަނުގެ ރައީސްގެ މުސާރައާއި ޢިނާޔަތާ އެއްފަދަ މުސާރައާއި ޢިނާޔަތެވެ." މިފަދައިންކަން.

3.2.8- ބުނެވުނު ރައްޔިތުންގެ މަޖިލީހުގެ ނިންމުމުގައި ހުރި އެބައި ތަކަކީ އިސްވެ ބަޔާންކުރެވުނު ޤާނޫނީ މާއްދާތަކާއި އަދި ޤާނޫނު މާނަ ކުރުމާގުޅޭ ގޮތުން ޤާނޫނު ނަންބަރު 2011/4 (މާނަކުރުމުގެ ހަމަތައް ބަޔާންކޮށްދޭ ޤާނޫނު) ގެ 17 ވަނަ މާއްދާއާއި 37 ވަނަ މާއްދާގެ (ހ) އާ ޚިލާފަށް ނިންމާފައިވާ ބާޠިލު ނިންމުމެއްކަން.

މައްސަލަ ހުށަހެޅި ފަރާތުން އެދިފައިވާ ޙައްލު ނުވަތަ އެދޭގޮތް:

މި މައްސަލައާ ގުޅިގެން އަންނަނިވިކަން ކަމަށް މުޙައްމަދު ޙަލީމްގެ ފަރާތުން އެދިފައިވެއެވެ.

ހުށަހެޅިފައިވާ މައްސަލަ ކޯޓުން ބަލައި ގަނެ އަދި މައްސަލައިގައި ފައިޞަލާކުރަނިވި ނިހާއީ ޙުކުމެއް އިއްވުމުގެ ކުރިން، ރައީސުލްޖުމްހޫރިއްޔާއާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މުސާރައިގެ ގޮތުގައި ކަނޑައަޅާފައިވާ ކަނޑައެޅުމަށް ބަދަލުގެނެސް، ޤާނޫނަކުން މުސާރަކަނޑައަޅަންޖެހޭކަމަށް ބަޔާންކޮށްފައިވާ ފަރާތްތަކާގުޅޭގޮތުން އެފަރާތްތަކާ ގުޅޭ ޚާއްޞަ ޤާނޫނުގައި ކަނޑައަޅާފައިވާ ގޮތާއި ޚިލާފަށް، ކަމާގުޅޭ އެ ޤާނޫނުތަކަށް ބަދަލުގެނައުމަކާ ނުލައި، ކޮވިޑް-19 އާގުޅިގެން 2020 މޭ 20 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުން ފާސްކޮށް، ނިންމާފައިވާ ނިންމުމަށް ޢަމަލުކުރުން ފަސްކޮށްދިނުމަށް ވަގުތީ އަމުރެއް ނެރެދިނުން.

ރައީސުލްޖުމްހޫރިއްޔާއާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މުސާރައަށް ބަދަލު ގެނެސް ނިންމި އެ ނިންމުމަކީ، ޤާނޫނުއަސާސީގެ 118 ވަނަ މާއްދާއާއި ޤާނޫނު ނަންބަރު 2009/11 (ރައީސުލްޖުމްހޫރިއްޔާއާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މުސާރައާއި އެހެނިހެން ޢިނާޔަތްތަކާބެހޭ ޤާނޫނު) ގެ 3 ވަނަ މާއްދާއާ އަދި 10 ވަނަ މާއްދާއާ ޚިލާފަށް ނިންމާފައިވާ ނިންމުމެއް ކަމުގައިވާތީ އެ ނިންމުމަކީ ބާޠިލު ނިންމުމެއް ކަމުގައި ކަނޑައަޅައިދިނުން.

ޤާނޫނަކުން ކަނޑައަޅައި އައްޔަންކޮށް އިންތިޚާބުކޮށްފައިވާ ފަރާތްތަކުގެ ތެރެއިން ރައްޔިތުންގެ މަޖިލީހުން މުސާރަ ކަނޑައަޅަންޖެހޭކަމަށް ބަޔާންކޮށްފައިވާ ގިނަ ފަރާތްތަކެއްގެ މުސާރަ އެފަރާތްތަކާގުޅޭ ޚާއްޞަ ޤާނޫނުގައި ކަނޑައަޅާފައިވާގޮތާ ޚިލާފަށް، ކަމާގުޅޭ އެ ޤާނޫނުތަކަށް ބަދަލުގެނައުމަކާ ނުލައި، ކޮވިޑް-19 އާ ގުޅިގެން 2020 މޭ 20 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުން ފާސްކޮށް، ނިންމާފައިވާ ނިންމުމަކީ ޤާނޫނާ ޚިލާފު ނިންމުމެއްކަމަށް ކަނޑައަޅައިދީ ނިހާއީ ޙުކުމެއް އިއްވައިދިނުން.

ހުށަހެޅި މައްސަލައަށް ޤާނޫނު ތަޠުބީޤްކުރުން

ސުޕްރީމް ކޯޓަށް އަސްލީ އިޚްތިޞާޞް ލިބިގެންވާނީ 3 (ތިނެއް) ބާވަތެއްގެ ދުސްތޫރީ މައްސަލަތަކެއްގައި ކަން ޤާނޫނު ނަންބަރު 2010/22) ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު( ގެ 9 ވަނަ މާއްދާގެ (ށ) އަދި އެ ޤާނޫނުގެ 11 ވަނަ މާއްދާގެ (ހ) އަށް ބެލުމުން އެނގެއެވެ.

ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 11 ވަނަ މާއްދާގެ (ހ) ގައި ބުނާ، ސުޕްރީމް ކޯޓަށް އަސްލީ އިޙްތިޞާޞް ލިބިގެންވާ މައްސަލަތަތަކީ؛

އެ މައްސަލައަކީ ޤައުމު ދުސްތޫރީ ހުސްކަމަކަށް ހިނގައިދާނެ ނުވަތަ ދުސްތޫރީ ނިޒާމުން ބޭރުވެދާފަދަ ޤާނޫނީ ސަބަބުތަކެއް އެކުލެވިގެންވާ މައްސަލައަކަށްވުން؛ ނުވަތަ

އެ މައްސަލައަކީ ދައުލަތުގެ ދެ މުއައްސަސާއެއްގެ ދެމެދުގައި ނުވަތަ ދެބާރެއްގެ ދެމެދުގައި ޤާނޫނުއަސާސީ މާނަކުރުމާގުޅޭގޮތުން އުފެދޭ މައްސަލައަކަށްވުން؛ ނުވަތަ

އެ މައްސަލައަކީ ޤައުމުގެ ޢާންމު މަޞްލަޙަތާ ގުޅިފައިވާ ދުސްތޫރީ މައްސަލައަކަށްވުން. މިއެވެ.

ޤައުމުގެ ޢާންމު މަޞްލަޙަތާ ގުޅިފައިވާ ދުސްތޫރީ މައްސަލައެއްކަމަށް ބުނެ މުޙައްމަދު ޙަލީމްގެ ހުށަހެޅި ނުކުތާތަކަށާއި ލިޔެކިޔުންތަކަށާއި މައްސަލައާ ގުޅިގެން ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށް ބަލާއިރު، މި މައްސަލައަކީ ޤާނޫނު ނަންބަރު 2010/22) ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު( ގެ 11 ވަނަ މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރުގައި ބުނެފައިވާފަދަ ސުޕްރީމް ކޯޓުގެ އަސްލީ އިޚްތިޞާޞް ލިގެންވާ ޤައުމުގެ ޢާންމު މަޞްލަޙަތާ ގުޅިފައިވާ ދުސްތޫރީ މައްސަލައެއް ކަން މުޙައްމަދު ޙަލީމަށް، ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެމަތިން، ޝަރީޢަތަށް ސާބިތު ކޮށްދެވިފައެއް ނުވެއެވެ. އަދި މުޙައްމަދު ޙަލީމްގެ ފަރާތުން ފާހަގަކޮށްފައިވާ ކަންކަމާއި ދައްކާފައިވާ ވާހަކަތަކަކީ ވަކިވަކި ފަރުދުންނާ ގުޅުންހުރި އަދި އެ ފަރާތްތަކަށް ފަރުދީގޮތެއްގައި ކޮށްފާނެ އަސަރުތަކެއްގެ ވާހަކަ ކަމުގައި އަހުރެން ދެކެމެވެ.

ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ ރައުޔު

މި މައްސަލައިގައި އުއްތަމަ ފަނޑިޔާރު އަޙްމަދު މުޢުތަޞިމް ޢަދުނާންގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔު

މި މައްސަލައިގައި އުއްތަމަ ފަނޑިޔާރު އަޙްމަދު މުޢުތަޞިމް ޢަދުނާންގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުގެ ރައުޔު

މި މައްސަލައިގައި އުއްތަމަ ފަނޑިޔާރު އަޙްމަދު މުޢުތަޞިމް ޢަދުނާންގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމް

މި މައްސަލައިގައި އުއްތަމަ ފަނޑިޔާރު އަޙްމަދު މުޢުތަޞިމް ޢަދުނާންގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

ޙުކުމް

ދެންފަހެ، މި މައްސަލައަކީ، ޤާނޫނު ނަންބަރު 2010/22) ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު( ގެ 11 ވަނަ މާއްދާއިން ސުޕްރީމް ކޯޓަށް ލިބިދީފައިވާ އަސްލީ އިޚްތިޞާޞް ގެ ދަށުން ބެލޭނެ މައްސަލައެއް ނޫންކަމަށް މި މައްސަލަ ބެލި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި ޙުކުމް ކޮށްފީމެވެ.

މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ:

އަޒްމިރާލްދާ ޒާހިރު

އަޙްމަދު މުޢުތަޞިމް ޢަދުނާން

ޢާއިޝާ ޝުޖޫން މުޙައްމަދު

(ރިޔާސަތު)

މަޙާޒު ޢަލީ ޒާހިރު

މުޙައްމަދު އިބްރާހީމް

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ޝެއަރ ކުރައްވާ