ދިވެހިރާއްޖޭގެ މަތީ މަރުޙަލާގެ ކޯޓުތަކުން ކަނޑައަޅާފައިވާ ޤާނޫނީ އުޞޫލުތައް

Maldives Legal Precedents

Saeed Lex
2020/SC-E/33ސުޕްރީމް ކޯޓު · 3 މާރިޗު 2020

—

ސުޕްރީމް ކޯޓު
ފަހުގެ ޙުކުމެއްގައި ޙަވާލާދީފައެއް ނުފެނޭޙުކުމުގެ ހާލަތު
ސުޕްރީމް ކޯޓު · 3 މާރިޗު 2020ބާވަތް: އިންތިޚާބީ

ޚުލާޞާ

ޚުލާޞާ ނެތް.

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
—
ފަހުގެ ތާރީޚު
—

ނިންމުން

—

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

މި ލިޔުމުން އުޞޫލެއް ނުނެގުނު.

ފަނޑިޔާރުން

ބެންޗު
—
ޚިލާފު ރައުޔު
ނެތް

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.

ޝަރީޢަތް ނިމުނުގޮތުގެ ޚުލާޞާ

ޤަޟިއްޔާ ނަންބަރު: 2020/SC-E/33

ދަޢުވާކުރާ ފަރާތް: ޢަބްދުﷲ ޚަލީލް

ދަޢުވާ ލިބޭ ފަރާތް: އިލެކްޝަންސް ކޮމިޝަން

މައްސަލައިގެ ބާވަތް: އިންތިޚާބަށް ކުރިމަތިލުމުގެ ޝަރުޠާގުޅޭ

މައްސަލަ އައިގޮތް: އިންތިޚާބަށް ކުރިމަތިލުމުގެ ޝަރުޠާބެހޭ ގޮތުން މައްސަލަ ހުށަހެޅުމުގެ އެދި ހުށަހަޅާ ފޯމުން

ހުށަހެޅުނު ތާރީޚް: 26 ފެބްރުވަރީ 2020

ރަޖިސްޓްރީ ކުރެވުނު ތާރީޚް: 27 ފެބްރުވަރީ 2020

ނިމުނު ތާރީޚް: 03 މާރިޗު 2020

މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް: އުއްތަމަ ފަނޑިޔާރު އަލްއުސްތާޛު އަޙްމަދު މުޢުތަޞިމް ޢަދުނާން، ފަނޑިޔާރު އަލްއުސްތާޛާ ޢާއިޝާ ޝުޖޫން މުޙައްމަދު، ފަނޑިޔާރު އަލްއުސްތާޛު ޙުސްނުއްސުޢޫދު

އުއްތަމަ ފަނޑިޔާރު އަލްއުސްތާޛް އަޙްމަދު މުޢުތަޞިމް ޢަދުނާންގެ ރައުޔު: (ފަނޑިޔާރު އަލްއުސްތާޛާ ޢާއިޝާ ޝުޖޫން މުޙައްމަދު އަދި ފަނޑިޔާރު އަލްއުސްތާޛު ޙުސްނުއްސުޢޫދު ތާއީދުކުރައްވާފައި)

ތަޢާރުފް

ޤާނޫނު ނަންބަރު 2010/10 (ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނު) ގެ ދަށުން، 2020 އެޕްރީލް 04 ވާ ހޮނިހިރު ދުވަހު، ބޭވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ކެންޑިޑޭޓެއްގެ ގޮތުގައި ވާދަކުރުމަށް، ހއ. އިހަވަންދޫ، ސަލްސަބީލުގެ، ޢަބްދުﷲ ޚަލީލް (މީގެ ފަހުން "ޢަބްދުﷲ ޚަލީލް") އިލެކްޝަންސް ކޮމިޝަނަށް ފޯމެއް ހުށަހެޅިއެވެ.

2020 ފެބްރުވަރީ 20 ވަނަ ދުވަހު، ޢަބްދުﷲ ޚަލީލް އިލެކްޝަން ކޮމިޝަނަށް ހުށަހެޅި ނަންބަރު LEC/2020/1006 ފޯމުގައިވާ މަޢުލޫމާތާއި ހިމަނާފައިވާ ތަކެތި، އިލެކްޝަން ކޮމިޝަނުން ބަލައި ޗެކްކުރިއިރު، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ދޫކުރި "ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް ކުރިމަތިލާ މީހާގެ ދަރަނީގެ ރެކޯޑާއި، ކުށުގެ ރެކޯޑް ސާފުކުރުން" ލިޔުމުގައި، ޢަބްދުﷲ ޚަލީލް އަދާކުރަންޖެހޭ ސާބިތު ދަރަންޏެއް އޮތްކަމަށާއި އެދަރަނި އަދާކުރަމުން ނުދާކަން ފާހަގަކޮށްފައިވެއެވެ. އެހެންކަމުން، ޢަބްދުﷲ ޚަލީލް ކިބައިގައި ޤާނޫނު ނަންބަރު 2010/10 (ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނު) ގެ 12 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ ޝަރުޠުތައް ފުރިހަމަނުވާކަމަށް ނިންމާ، ޢަބްދުﷲ ޚަލީލް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް ކުރިމަތިލުމަށް ހުށަހެޅި ހުށަހެޅުން، އިލެކްޝަންސް ކޮމިޝަނުން ޤަބޫލުކުރެވެން ނެތްކަން އިލެކްޝަން ކޮމިޝަނުން ދޫކުރި ކެންޑިޑަސީ ޤަބޫލުނުކުރާކަމުގެ ލިޔުމުން، ޢަބްދުﷲ ޚަލީލްއަށް އަންގާފައިވެއެވެ.

2020 ފެބްރުވަރީ 24 ވަނަ ދުވަހު، ޢަބްދުﷲ ޚަލީލްގެ ފަރާތުން ކްރިމިނަލް ކޯޓަށް ފޮނުވި ސިޓީއެއްގެ ޖަވާބުގައި، ހަމަ އެ ދުވަހު، އެ ކޯޓުގެ ނަންބަރު 145-P/2020/78ސިޓީއިން ވިދާޅުވެފައިވަނީ، ހއ. އިހަވަންދޫ ކޯޓުގެ ނަންބަރު 20/A7C/2005 ޤަޟިއްޔާއިން ޢަބްދުﷲ ޚަލީލްގެ މައްޗަށް އަމުރަށް ނުކިޔަމަންތެރިވުމުގެ ކުށް ސާބިތުވެ ކޮށްފައިވާ ޖޫރިމަނާ ފައިސާ ނުދައްކާކަމަށް ޢަބްދުﷲ ޚަލީލަށް ދޫކުރެވިފައިވާ ކުށުގެ ރެކޯޑުގައި ލިޔެވިފައިވަނީ އިދާރީ އޮޅުމަކުން ކަމަށާއި، އެ ފައިސާ ހއ. އިހަވަންދޫ ކޯޓަށް ބަލައިގެންފައިވާކަން އެ ކޯޓުގެ ނަންބަރު 2005/129 (25 ޑިސެންބަރު 2005) ފައިސާ ބަލައިގެންފައިދޭ ރަޝީދުން އެނގެން އޮތަތީ، އަދި ހއ. އިހަވަންދޫ ކޯޓުން، އެ ކޯޓުގެ ނަންބަރު A7C/2016/188 (27 ނޮވެންބަރު 2016) މެސެޖުން ކްރިމިނަލް ކޯޓަށް އެކަން އަންގާފައިވާތީ ޢަބްދުﷲ ޚަލީލްގެ ކުށުގެ ރެކޯޑު އިޞްލާޙުކޮށްފައިވާކަމަށެވެ.

އިސްތިއުނާފުކުރުމަށް ހުށަހެޅުނު ނުކުތާތައް

އިލެކްޝަންސް ކޮމިޝަނުން ނިންމި ނިންމުމަކީ ބާޠިލް ނިންމުމެއްކަމަށް ކަނޑައަޅައިދިނުމަށް އެދި، ދަޢުވާކުރާ ފަރާތުން ހުށަހަޅާފައިވަނީ މައިގަނޑު އެއް ނުކުތާއެވެ. އެއީ: ހއ. އިހަވަންދޫ ކޯޓުގެ ނަންބަރު 20/A7C/2005 ޤަޟިއްޔާއިން ޢަބްދުﷲ ޚަލީލްގެ މައްޗަށް އަމުރަށް ނުކިޔަމަންތެރިވުމުގެ ކުށް ސާބިތުވެ ކޮށްފައިވާ ޖޫރިމަނާ ފައިސާ ނުދައްކާކަމަށް ކްރިމިނަލް ކޯޓުން ދޫކޮށްފައިވާ ކުށުގެ ރެކޯޑުގައި ލިޔެވިފައިވަނީ އިދާރީ އޮޅުމަކުން ކަމަށް ކްރިމިނަލް ކޯޓުގެ ނަންބަރު 145-P/2020/78 އަމިއްލަ މީހުން ފޮނުވާ ސިޓީގެ ޖަވާބުން އެނގެން އޮތުމުން، ޢަބްދުﷲ ޚަލީލްގެ ކެންޑިޑަސީ ޤަބޫލުކުރުމަށް އިލެކްޝަންސް ކޮމިޝަންގެ މައްޗަށް އަމުރު ކޮށްދިނުމަށެވެ.

އިންތިޚާބުގައި ވާދަކުރުމަށް އެދި ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަންޖެހޭ ޝަރުޠުތައް

ޤާނޫނު ނަންބަރު 2010/10 (ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނު) ގެ 12 ވަނަ މާއްދާގެ (ހ) ބުނާގޮތުން ލޯކަލް ކައުންސިލްތަކުގައި ވާދަކުރެވޭނީ އަންނަނިވި ޝަރުޠުތައް ފުރިހަމަވާ ފަރާތްތަކަށެވެ.

(1) ދިވެހި ރައްޔިތަކަށްވުން؛

(2) ބޭރު ޤައުމެއްގެ ރައްޔިތަކަށް ނުވުން؛

(3) ބޭރު ޤައުމެއްގެ ރައްޔިތަކު ދިވެހި ރައްޔިތަކަށް ވެފައިވާނަމަ އެ މީހަކު ދިވެހި ރައްޔިތަކަށް ވުމަށްފަހު 5 (ފަހެއް) އަހަރު ފާއިތުވެފައިވުން؛

(4) މުސްލިމަކު ކަމުގައިވުމާއި، ސުންނަތް ޖަމާޢަތުގެ މީހަކު ކަމުގައިވުން؛

(5) ޢުމުރުން 18 (އަށާރަ) އަހަރު ފުރިފައިވާ މީހަކު ކަމުގައިވުން؛

(6) ބުއްދި ހަމައަށް ހުރި މީހަކު ކަމުގައިވުން؛

(7) އަދާކުރަންޖެހޭ ސާބިތު ދަރަންޏެއް އޮތް މީހަކުނަމަ، ޙުކުމާ އެއްގޮތަށް އެ ދަރަނި އަދާކުރަމުންދާ މީހަކު ކަމުގައިވުން؛

(8) އެއްވެސް ޖިނާއީ ކުށެއް ކުރިކަން ޝަރީޢަތަށް ސާބިތުވެ، ޙުކުމެއް ތަންފީޛު ކުރަމުންދާ މީހަކު ކަމުގައި ނުވުން؛

(9) ކުޑަކުއްޖަކާމެދު ބަދުއަޚްލާޤީ ޢަމަލެއް ހިންގިކަން ނުވަތަ މީހެއްގެ ޢިއްފަތްތެރިކަން ފޭރިގަތްކަން ޝަރީޢަތަށް ސާބިތުވެފައިވާ މީހަކު ކަމުގައިނުވުން؛

(10) މަސްތުވާތަކެތީގެ ވިޔަފާރިކުރުމުގެ ކުށެއް ކުރިކަން ޝަރީޢަތަށް ސާބިތުވެ، އެމީހެއްގެ މައްޗަށް ޙުކުމެއް ކޮށްފައިވާނަމަ، އެ ޙުކުމެއް ތަންފީޛުކޮށް ނިމުނުތާ 7 (ހަތެއް) އަހަރު ފާއިތުވެފައިވުން ނުވަތަ އެ ޙުކުމުން ކަނޑައެޅުނު އަދަބު މަޢާފުކޮށްދެވުނުތާ 7 (ހަތެއް) އަހަރު ފާއިތުވެފައިވުން؛ އަދި

(11) މި މާއްދާގެ (ހ) ގެ (9) ވަނަ ނަންބަރާއި (10) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ކުށްތައް ފިޔަވައި އެހެން ޖިނާއީ ކުށެއް ކުރިކަން ޝަރީޢަތަށް ސާބިތުވެ، އެ މީހެއްގެ މައްޗަށް 12 (ބާރަ) މަސްދުވަހަށްވުރެ ދިގު މުއްދަތެއްގެ ޙުކުމެއް ކޮށްފައިވާނަމަ، އެ ޙުކުމެއް ތަންފީޛުކޮށް ނިމުނުތާ 3 (ތިނެއް) އަހަރު ފާއިތުވެފައިވުން ނުވަތަ އެ ޙުކުމުން ކަނޑައެޅުނު އަދަބު މަޢާފުކޮށްދެވުނުތާ 3 (ތިނެއް) އަހަރު ފާއިތުވެފައިވުން.

ކުށުގެ ރިކޯޑުގައި އިދާރީ އޮޅުމެއް އަރާފައިވޭތޯ ބެލުން

ޤާނޫނު ނަންބަރު 2008/11 (އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނު) ގެ 21 ވަނަ މާއްދާގެ (ހ) ގެ ދަށުން، ޢަބްދުﷲ ޚަލީލް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް ކުރިމަތިލުމަށް ހުށަހެޅި ހުށަހެޅުން ޤަބޫލުކުރެވެން ނެތްކަމަށް 48 ގަޑިއިރު ތެރޭގައި އިލެކްޝަންސް ކޮމިޝަނުން އަންގާފައިވާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފައިވެއެވެ.

އިސްވެ ބަޔާންކުރެވުނު ގޮތަށް ކޮމިޝަނުން ނިންމާފައިވާނީ، ޢަބްދުﷲ ޚަލީލް ހުށަހެޅި ފޯމާއެކު ހުށަހެޅި ކުށާއި ދަރަނީގެ ރެކޯޑު ސާފުކުރާ ފޯމަށް ބެލިއިރު، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ފުރުއްވާފައިވާ ކުށާއި ދަރަނީގެ ރެކޯޑު ސާފުކުރާ ފޯމުގައި އެފަރާތުން އަދާކުރަންޖެހޭ ސާބިތު ދަރަންޏެއް އޮތްކަމަށް ބަޔާންކޮށް، އެ ދަރަނި ޙުކުމާ އެއްގޮތަށް އަދާކުރަމުންނުދާ ކަމަށް ބަޔާންކޮށްފައި އޮތުމުންނާއި، ދަރަނި ދެއްކި ކަމުގެ އިތުރު ލިޔުމެއްވެސް އިލެކްޝަންސް ކޮމިޝަނަށް ޢަބްދުﷲ ޚަލީލް ހުށަހަޅާފައިނުވާތީ ކަމަށް އެ ކޮމިޝަނުން ބުނެފައިވެއެވެ.

ޢަބްދުﷲ ޚަލީލްއަށް ދޫކޮށްފައިވާ ކުށުގެ ރިކޯޑުގައި ލިޔެފައިވަނީ އިދާރީ އޮޅުމަކުން ކަމާއި ކްރިމިނަލް ކޯޓުން އިތުރަށް ބެލިބެލުމުން މި ފައިސާ (ޖޫރިމަނާ ފައިސާ) ހއ. އިހަވަންދޫ ކޯޓަށް ބަލައިގަނެފައިވާކަން ކްރިމިނަލް ކޯޓުގެ ނަންބަރު 145-P/2020/78 އަމިއްލަ މީހުން ފޮނުވާ ސިޓީގެ ޖަވާބުން ވަރަށް ސާފުކޮށް އެނގެން އޮންނަކަމަށް، "އިންތިޚާބަށް ކުރިމަތިލުމުގެ ޝަރުޠާބެހޭގޮތުން މައްސަލަ ހުށަހެޅުމުގެ ހުއްދައަށް އެދި ހުށަހަޅާ ފޯމު" ގެ 6 ވަނަ ނުކުތާގެ 3 ވަނަ ޕެރެގްރާފްގައި މައްސަލަ ހުށަހެޅި ފަރާތުން ބަޔާންކޮށްފައިވީ ނަމަވެސް، ޤާނޫނު ނަންބަރު 2008/11 (އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނު) ގެ 21 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ 48 ގަޑިއިރު ހަމަވި އިރުވެސް އެފަދަ ލިޔުމެއް ޢަބްދުﷲ ޚަލީލްގެ ފަރާތުން އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައި ނުވާކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފައިވެއެވެ.

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2011/SC-A/01 ޤަޟިއްޔާގެ ދަށުން ޤާނޫނު ނަންބަރު 2008/11 (އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނު) ގެ 21 ވަނަ މާއްދާގައި ބުނެފައިވާ 48 ގަޑިއިރު ފަހަނައަޅާދާ ފަހުން އިންތިޚާބަށް ކުރިމަތިލާ މީހެއްގެ ކެންޑިޑަސީ ބާޠިލްކުރުމުގެ ބާރު ނޭޝަނަލް އިލެކްޝަންސް ކޮމްޕްލެއިންޓްސް ބިއުރޯއަށް ލިބިގެންނުވާކަމާއި، އިންތިޚާބަށް ކުރިމަތިލުމަށް އެދިފައިވާ މީހެއްގައި ފުރިހަމަވުން ޤާނޫނުން ލާޒިމްކޮށްފައިވާ ޝަރުޠެއް ފުރިހަމަނުވާކަމުގެ މަޢުލޫމާތު ލިބިއްޖެނަމަ، އެ މީހެއްގެ ކެންޑިޑަސީ ބާޠިލްކުރުމަށް އެދި ކަމާބެހޭ ޝަރުޢީ ކޯޓަށް ހުށަހެޅުމަކީ އިލެކްޝަންސް ކޮމިޝަން އާއި މަޞްލަޙަތު އޮތް ކޮންމެ ފަރާތަކަށް ލިބިގެންވާ ޙައްޤެއްކަމަށް ބަޔާންކޮށްފައިވާތީ، ޢަބްދުﷲ ޚަލީލްގެ ކެންޑިޑަސީއާމެދު އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާ ނިންމުން ބަދަލުކުރުމުގެ ބާރު ލިބިގެންވަނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ކަމުގައި އިލެކްޝަންސް ކޮމިޝަނުން ދެކޭކަމަށް ބުނެފައިވެއެވެ.

ދައުލަތުގެ އިދާރާތަކުންދޭ މަޢުލޫމާތުގެ މައްޗަށް އިލެކްޝަންސް ކޮމިޝަނުން ނިންމާ ނިންމުމަކީ ޞައްޙަނޫން މަޢުލޫމާތެއްގެ މައްޗަށް ނިންމިފައިވާ ނިންމުމެއް ކަމަށް ފަހުން ހާމަވި ނަމަވެސް އެ ނިންމުން ބަދަލުކުރުމުގެ ޤާނޫނީ އިޚްތިޔާރު އިލެކްޝަންސް ކޮމިޝަނަށް ނޯންނަކަން ފާހަގަކުރަމުން ޢަބްދުﷲ ޚަލީލް ހުށަހަޅާފައިވާ މައްސަލައިގައި ފައިޞަލާކުރަނިވި ޙުކުމެއް ނެރެދިނުމަށް އިލެކްޝަންސް ކޮމިޝަނުން އެދިފައިވެއެވެ.

ހއ. އިހަވަންދޫ ކޯޓުގެ ނަންބަރު 20/A7C/2005 ޤަޟިއްޔާއިން ޢަބްދުﷲ ޚަލީލްގެ މައްޗަށް އަމުރަށް ނުކިޔަމަންތެރިވުމުގެ ކުށް ސާބިތުވެ ކޮށްފައިވާ ޖޫރިމަނާ ފައިސާ ނުދައްކާކަމަށް ކްރިމިނަލް ކޯޓުން ދޫކޮށްފައިވާ ކުށުގެ ރެކޯޑުގައި ލިޔެވިފައިވަނީ އިދާރީ އޮޅުމަކުން ކަމަށް ކްރިމިނަލް ކޯޓުގެ ނަންބަރު 145-P/2020/78 އަމިއްލަ މީހުން ފޮނުވާ ސިޓީގެ ޖަވާބުން އަންގާފައިވާ ކަމަށް ޢަބްދުﷲ ޚަލީލް ބުނެފައިވާ ބުނުމުގެ މައްޗަށް ބެލިއިރު، ކްރިމިނަލް ކޯޓުގެ ބުނެވުނު ނަންބަރު ސިޓީއަކީ 24 ފެބްރުއަރީ 2020 ވަނަ ދުވަހު ޢަބްދުﷲ ޚަލީލްއަށް އެޑްރެސްކޮށް ކްރިމިނަލް ކޯޓުގެ ލެޓަރ ހެޑްގައި ފޮނުވާފައިވާ ސިޓީއެއްކަން އެނގެން އޮވެއެވެ.

ވީމާ، އިސްވެ ބަޔާންކުރެވުނު ނުކުތާތަކުގައި ބަޔާންކުރެވުނު ސަބުބުތައް އެހެން ހުރުމުން، އިލެކްޝަންސް ކޮމިޝަނުން 21 ފެބްރުއަރީ 2020 ގައި ޢަބްދުﷲ ޚަލީލްގެ ކެންޑިޑަސީ ޤަބޫލުނުކުރާކަން އެންގި ލިޔުމަށް ބަދަލުގެންނަން ޖެހޭކަމަށް އަހުރެންނަށް ފެނެއެވެ.

ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔު

މި މައްސަލައިގައި އުއްތަމަ ފަނޑިޔާރު އަޙްމަދު މުޢުތަޞިމް ޢަދުނާން ފާހަގަކުރައްވާފައިވާ ނުކުތާތަކަށް އަހުރެން ތާއީދުކުރަމެވެ.

ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރައުޔު

މި މައްސަލައިގައި އުއްތަމަ ފަނޑިޔާރު އަޙްމަދު މުޢުތަޞިމް ޢަދުނާން ފާހަގަކުރައްވާފައިވާ ނުކުތާތަކަށް އަހުރެން ތާއީދުކުރަމެވެ.

ޙުކުމް

ދެންފަހެ، އިސްވެ ބުނެވުނު ކަންކަން އެގޮތުގެ މަތިން ހުރުމާއެކު، ހއ. އިހަވަންދޫ، ސަލްސަބީލުގެ، ޢަބްދުﷲ ޚަލީލްއަކީ ޤާނޫނު ނަންބަރު 2010/10 (ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނު) ގެ 12 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ ޝަރުޠުތައް ފުރިހަމަވާ ފަރާތެއްކަން އެނގެން އޮންނާތީ، އެފަރާތުގެ ކެންޑިޑަސީ ޤަބޫލުނުކުރުމަށް، އިލެކްޝަންސް ކޮމިޝަނުން ނިންމި ނިންމުމަކީ ބާޠިލް ނިންމުމެއްކަމަށް ކަނޑައަޅައި، ޤާނޫނު ނަންބަރު 2010/10 (ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނު) ދަށުން 2020 އެޕްރީލް 04 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ހއ. އިހަވަންދޫ ކައުންސިލްގެ މެންބަރުކަމަށް ކުރިމަތިލުމަށް ޢަބްދުﷲ ޚަލީލް ހުށަހެޅި ހުށަހެޅުން ޤަބޫލުކުރުމަށް އިލެކްޝަންސް ކޮމިޝަނަށް އަންގައި، މި މައްސަލަ ބެލި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާގުން ޙުކުމްކޮށްފީމެވެ.

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ޝެއަރ ކުރައްވާ