ދިވެހިރާއްޖޭގެ މަތީ މަރުޙަލާގެ ކޯޓުތަކުން ކަނޑައަޅާފައިވާ ޤާނޫނީ އުޞޫލުތައް

Maldives Legal Precedents

Saeed Lex
[2022] SC 20 · 2020/SC-A/82ސުޕްރީމް ކޯޓު · 30 މާރިޗު 2022

ޚަދީޖާ ޢަބްދުއްރަޙްމާން ވ. ސަކީނާ ޢަބްދުއްރަޙްމާން އަދި ފާޠިމަތު ޢަޛްރާ އާއި އިތުރު 03 ފަރާތެއް

ސުޕްރީމް ކޯޓު
ފަހުގެ ޙުކުމެއްގައި ޙަވާލާދީފައެއް ނުފެނޭޙުކުމުގެ ހާލަތު
ސުޕްރީމް ކޯޓު · 30 މާރިޗު 2022ބާވަތް: މަދަނީ

ޚުލާޞާ

ޚުލާޞާ ނެތް.

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
—
ފަހުގެ ތާރީޚު
—

ނިންމުން

—

ކޯ ޓާމްސް

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

މި ލިޔުމުން އުޞޫލެއް ނުނެގުނު.

ފަނޑިޔާރުން

ބެންޗު
—
ޚިލާފު ރައުޔު
ނެތް

ޝަރީޢަތުގެ ވީޑިއޯ

ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.

ޚަދީޖާ ޢަބްދުއްރަޙްމާން ވ. ސަކީނާ ޢަބްދުއްރަޙްމާން އަދި އިތުރު 4 ފަރާތެއް

ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުގެ ރައުޔު (ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިން އަދި ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމް ތާއީދު ކުރައްވާފައި)

ތަޢާރުފު

މިއީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2018/HC-A/115 ޤަޟިއްޔާ އެ ކޯޓުން ނިންމާފައިވަނީ ޤާނޫނާ ޚިލާފަށް ކަމުގައި ބުނެ ޚަދީޖާ ޢަބްދުއްރަޙްމާން ގެ ފަރާތުން އެ ޤަޟިއްޔާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުން ބެލި މައްސަލައެކެވެ.

މި މައްސަލައިގައި އިސްތިއުނާފު ރައްދުވަނީ ސަކީނާ ޢަބްދުއްރަޙްމާން އާއި، މއ. ގްރީންވީލް، ފާޠިމަތު ޢަޛްރާ އާއި، މއ. ހަނދުވަރީމަންޒިލް، ޒުހައިރާ ޢަބްދުއްރަޙްމާން އާއި، މއ. ހަނދުވަރީމަންޒިލް، މުޙައްމަދު ރަޝީދު ގެ އިތުރުން މއ. ހަނދުވަރީމަންޒިލް، މަރްޔަމް ޙަބީބާ ގެ މައްޗަށެވެ. މި ފަރާތްތަކަށް ޖުމުލަ ގޮތެއްގައި އަހުރެން އިޝާރާތް ކުރާނީ "އިސްތިއުނާފު ރައްދުވާ ފަރާތްތައް" މި ގޮތަށެވެ.

ކަން ހިނގާފައިވާ ގޮތް

މިއީ ބިމާބެހޭ މައްސަލައެއް ކަމުގައިވެފައި، މި މައްސަލައިގައި ކަން ހިނގާފައިވާ ގޮތް ސާފުކޮށް ބުނެ ދިނުމަށްޓަކައި ޝަރީޢަތުން ނިމިފައިވާ މި މައްސަލައާ ގުޅުންހުރި އެހެނިހެން މައްސަލަތަކާއި، ހާދިސާތައް ތަރުތީބުން ބަޔާން ކުރާނަމެވެ.

ބިން ޢައްޔަންކުރުން

މއ. ހަނދުވަރީމަންޒިލް އެވެ ކިޔާ ބަންޑާރަ ގޯތި 10 ފެބުރުއަރީ 2011 ގައި ރަޖިސްޓަރީކޮށްދީފައިވަނީ މުޙައްމަދު ރަޝީދު އާއި، ޚަދީޖާ ޢަބްދުއްރަޙްމާން އާއި ސަކީނާ ޢަބްދުއްރަޙްމާން އާއި ފާޠިމަތު އަޛުރާ އާއި ޒުހައިރާ ޢަބްދުއްރަޙްމާން އަދި މަރްޔަމް ޙަބީބާ، މި މީސްމީހުން (މީގެ ފަހުން "ގޯތީގެ ބެހެނިވެރިން" ކަމަށް ބުނެފައިވާ) ގެ ނަމުގައެވެ. މއ. ހަނދުވަރީމަންޒިލް އެވެ ކިޔާ ގޯތި ދެ ބަޔަކަށް ބައިކޮށް، އެ ގޯތީގެ ބެހެނިވެރިންނަށް މި ދެ ބައި ޢައްޔަންކޮށް ދީފައިވަނީ ސިވިލް ކޯޓުގެ ނަންބަރު 1551/Cv-C/2011 ޤަޟިއްޔާ އިންނެވެ. މި ގޯތި ބައިކޮށްދެވުނު ދެ ބައިންކުރެ އެއްބައި އައްޔަން ކޮށްފައިވަނީ މި ގޯތީގެ ބެހެނިވެރިންކުރެ ސަކީނާ ޢަބްދުއްރަޙްމާން އާއި، މުޙައްމަދު ރަޝީދު އާއި، ފާޠިމަޠު ޢަޛުރާ އާއި، ޒުހައިރާ ޢަބްދުއްރަޙްމާން އާއި، މަރިޔަމް ޙަބީބާއަށެވެ. މި ބަޔާންކުރި ފަރާތްތަކަށް އައްޔަނުކުރެވުނު ބައިގެ ބިމުގެ ބޮޑުމިނަކީ، 1386.09 (އެއްހާސް ތިންސަތޭކަ އަށްޑިހަ ހަޔެއް ޕޮއިންޓް ސުމެއް ނުވައެއް) އަކަފޫޓުވެ. އަދި ބެހެނިވެރިންކުރެ ޚަދީޖާ ޢަބްދުއްރަޙްމާނަށް ޢައްޔަން ކޮށްދީފައިވާ ބައިގެ ބިމުގެ ބޮޑު މިނަކީ 277.22 (ދުއިސައްތަ ހަތްދިހަ ދޭއް ޕޮއިންޓް ދޭއް ދޭއް) އަކަފޫޓެވެ.

ބިން ޢައްޔަންކުރި ސިވިލް ކޯޓުގެ ނަންބަރު 1551/Cv-C/2011 ޤަޟިއްޔާއަށް ބަލާއިރު، އިތުރަށް ފާހަގަ ކުރެވެނީ މއ. ހަނދުވަރީމަންޒިލް ބައިކޮށް ބެހެނިވެރިންގެ މެދުގައި ބިން ޢައްޔަންކޮށް ދިނުމުގައި ދިލްބަހާރު މަގުން މި ގޯތީގެ ބައިތަކަށް ވަދެ ނިކުމެވޭ ގޮތަށް އެ ގޯތިން 73.69 (ހަތްދިހަ ތިނެއް ޕޮއިންޓް ހައެއް ނުވައެއް) އަކަފޫޓުގެ ގޯޅިގަނޑެއް ނަގާފައިވާ ކަމެވެ. އަދި މި ގޯޅިގަނޑުގެ ބިމަކީ، އެ ބިމުގެ މައްޗަށް މި ގޯތީގައި ހިމެނޭ 06 (ހައެއް) ބެހެނިވެރިންގެ ޙައްޤު ހަމަހަމައަށް ލިބިގެންވާ ބިމެއްކަން ވެސް މި ޤަޟިއްޔާއިން އެނގެއެވެ.

ބިން އައްޔަންކުރުމުގެ މައްސަލަ ސިވިލް ކޯޓުން ނިންމާފައިވަނީ 2012 ޖެނުއަރީ 31 ވަނަ ދުވަހުގައެވެ.

މއ. ފަންވަރު ގޯތީގައި ޢިމާރާތް ކުރުން

ސިވިލް ކޯޓުގެ ނަންބަރު 1832/Cv-C/2017 ޤަޟިއްޔާގައި ހިމެނިފައިވާ ލިޔުންތަކަށް ބަލާއިރު، ސިވިލް ކޯޓުގެ ނަންބަރު 1551/Cv-C/2011 ޤަޟިއްޔާއިން ބެހެނިވެރިންނަށް ބިން ޢައްޔަން ކޮށްދިނުމާއެކު، އެ ޤަޟިއްޔާއިން ބިން ޢައްޔަންކުރެވުނު ޚަދީޖާ ޢަބްދުއްރަޙްމާން އޭނާއަށް ލިބުނު ބައި ގައި، ޢިމާރާތް ކުރުމަށްޓަކައި އިމާރާތުގެ ކުރެހުން ތައްޔާރުކޮށް، އެ ކުރެހުން ސަރުކާރުގެ ކަމާބެހޭ އިދާރާއަށް ހުށަހަޅައި އެ އިދާރާއިން 08 ސެޕްޓެމްބަރ 2016 ގައި ފާސްކުރިއެވެ.

ޚަދީޖާ ޢަބްދުއްރަޙްމާން މއ. ފަންވަރު ގައި ޢިމާރާތް ކުރުމަށްފަހު، ޢިމާރާތް ބޭނުން ކުރުމަށް ކަމާބެހޭ ފަރާތްތަކުން ނަގަންޖެހޭ ހުއްދަތައް ނަގައި، ޢިމާރާތުގެ ބޭނުން ކުރަން ފަށާފައިވެއެވެ. މި ގޮތުން އެ ޢިމާރާތުގެ ގްރައުންޑް ފްލޯގައި ހަދާފައިވާ ފިހާރައެއް ބޭނުން ކުރުމުގެ ވަގުތީ ހުއްދައެއް 03 މެއި 2017 ގައި މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ (މީގެ ފަހުން "ހައުސިންގ މިނިސްޓްރީ") އިން ދޫކޮށްފައިވެއެވެ. އަދި މުޅި ޢިމާރާތް ބޭނުން ކުރުމުގެ ހުއްދަ، އެ މިނިސްޓްރީން ދޫކޮށްފައިވަނީ 03 އޮގަސްޓް 2017 ގައެވެ.

ގޯޅިގަނޑުގެ ބިން އެއްކޮށްދިނުން

މއ. ހަނދުވަރީމަންޒިލް އެވެ ކިޔުނު ބަންޑާރަ ގޯތީގެ ބިން، 06 (ހައެއް) ބެހެނިވެރިންގެ މެދުގައި ޢައްޔަންކޮށް ސިވިލް ކޯޓުގެ ނަންބަރު 1551/Cv-C/2011 ޤަޟިއްޔާ ނިންމިއިރު، އެ ހުރިހާ ބެހެނިވެރިންގެ ރުހުމާއެކު އެ ގޯތިން ނަގާފައިވާ 73.69 (ހަތްދިހަ ތިނެއް ޕޮއިންޓް ހައެއް ނުވައެއް) އަކަފޫޓުގެ ގޯޅިގަނޑުގެ ބިމުން، ޚަދީޖާ ޢަބްދުއްރަޙްމާން ފިޔަވައި އަނެއް 05 (ފަހެއް) ބެހެނިވެރިންނަށް ނިސްބަތުން ޖެހޭ 61.41 (ފަސްދޮޅަސް އެކެއް ޕޮއިންޓް ހަތަރެއް އެކެއް) އަކަފޫޓު، މއ. ހަނދުވަރީމަންޒިލުން އެ 05 (ފަހެއް) ބެހެނިވެރިންނަށް ލިބިފައިވާ ބިމުގެ ތެރެއަށް އެއްކޮށް ދިނުމަށް އެދި މި މައްސަލައިގެ އިސްތިއުނާފު ރައްދުވާ ފަރާތްތަކުން ސިވިލް ކޯޓަށް މައްސަލައެއް ހުށަހެޅިއެވެ. މި މައްސަލަ ބަލާފައިވަނީ ސިވިލް ކޯޓުގެ ނަންބަރު 1832/Cv-C/2017 ޤަޟިއްޔާ އިންނެވެ.

ސިވިލް ކޯޓުން މި މައްސަލައިގައި އިސްތިއުނާފު ރައްދުވާ ފަރާތްތައް އެދުނު ފަދައިން އެ ގޯޅިގަނޑުގެ ބިމުން އެމީހުންނަށް ނިސްބަތުން ލިބޭ 61.41 (ފަސްދޮޅަސް އެކެއް ޕޮއިންޓް ހަތަރެއް އެކެއް) އަކަފޫޓުގެ ބިން އެއްކޮށްދީފައިވެއެވެ. މި ފަދައިން އެއްކުރުމުގައި ސިވިލް ކޯޓުން އަންނަނިވި ތިން ނުކުތާ ފާހަގަ ކޮށްފައިވެއެވެ.

ގޯތި ބައިކުރުމުގައި ގޯތީގެ ބިމުން ނެގޭ ގޯޅިއަކީ، ބައިކުރެވޭ ގޯއްޗެއްގެ ބިމުން ނެގޭ ބައެއް ކަމުގައިވާތީ، ގޯޅި ހިމެނޭ ބިމުގެ މައްޗަށް ބެހެނިވެރިންގެ ޙައްޤު ދެމި އޮންނާނެ ކަން.

ބިން އެއްކޮށް ދިނުމުގައި ހުރަހެއް ކުރިމަތިވެދާނޭ ސަބަބުތަކުގެ ތެރޭގައި ގޯތީގެ ބިމުން ނެގުނު ގޯޅި، ގޯތީގެ ބިމުގެ ތެރެއަށް އެއްކުރުމުގެ ސަބަބުން އެ ގޯތީގެ ޢައްޔަން ކުރެވިފައިވާ ބިންތަކަށް ވަދެ ނިކުތުމުގައި ހުރަހެއް ކުރިމަތިވުމާއި، އެއްކުރެވޭ ގޯޅިގަނޑުގެ ބިމުގެ މައްޗަށް ޙައްޤު އޮތް ފަރާތެއްގެ ނުރުހުމުގައި، އެ ފަރާތަށް ލިބި އޮތް މިންވަރު އެ ފަރާތަކަށް ނުލިބޭ ގޮތަށް އެއްކުރެވިގެން ދިއުން ހިމެނޭކަން.

ސިވިލް ކޯޓުގެ ނަންބަރު 1551/Cv-C/2011 ޤަޟިއްޔާއިން މއ. ހަނދުވަރީމަންޒިލް ބައިކޮށްފައިވާ ދެ ބަޔަކީ ވެސް ދިލްބަހާރުމަގުން ވަދެ ނިކުމެވޭ ގޮތަށް އޮތް ދެ ބައިކަމުން މައްސަލަ ހުށަހެޅި ފަރާތްތަކުން އެދުނު ފަދައިން ގޯޅިގަނޑުގެ ބިމުން ނިސްބަތުން އެ ފަރާތްތަކަށް ޖެހޭ ބިން ޢައްޔަންކޮށް ދިނުމުގައި ހުރަހެއް ނެތްކަން.

މަތީގައި މި ފާހަގަކުރި ކަންކަން ސިވިލް ކޯޓުން ބަޔާންކުރުމަށްފަހު، އެ ކޯޓަށް މައްސަލަ ހުށަހެޅި 05 ބެހެނިވެރިން އެދިފައިވާ ގޮތަށް ގޯޅިގަނޑުގެ ބިމުން އެ 05 މީހުންނަށް ޖެހޭ މިންވަރު އެއްކޮށް ދީފައިވެއެވެ. މި މައްސަލަ ސިވިލް ކޯޓުން ނިންމާފައިވަނީ 26 އޮކްޓޯބަރ 2017 ގައެވެ.

ދިވެހިރާއްޖޭގެ ހައިކޯޓުން މައްސަލަ ނިންމާފައިވާ ގޮތް

މއ. ހަނދުވަރީމަންޒިލް އެވެ ކިޔާ ގޯތި 06 ބެހެނިވެރިންގެ މެދުގައި ބައިކޮށް ބިން ޢައްޔަންކުރިއިރު، އެ ގޯތިން ނަގާފައިވާ ގޯޅިގަނޑުގެ ބިމުން ޚަދީޖާ ޢަބްދުއްރަޙްމާން ފިޔަވައި ބާކީ ތިބި ބެހެނިވެރިންނަށް ޖެހޭ ނިސްބަތުން އެ ފަރާތްތަކަށް ލިބިދީފައިވާ ބަޔަށް އެއްކޮށް ދިނުމަށް ސިވިލް ކޯޓުގެ ނަންބަރު 1832/Cv-C/2017 ޤަޟިއްޔާއިން ނިންމި ނިންމުމަކީ ޤާނޫނާ ޚިލާފަށް ނިންމާފައިވާ ނިންމުމެއް ކަމުގައި ބުނެ ޚަދީޖާ ޢަބްދުއްރަޙްމާން އެ ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރިއެވެ. މި އިސްތިއުނާފުގައި ޚަދީޖާ ޢަބްދުއްރަޙްމާންގެ ފަރާތުން ފާހަގަކޮށްފައިވަނީ އަންނަނިވި ދެ ނުކުތާއެވެ.

ފުރަތަމަ ނުކުތާއަކީ، މއ. ހަނދުވަރީމަންޒިލް ގޯތީގެ ބިން ޢައްޔަންކުރި ސިވިލް ކޯޓުގެ ނަންބަރު 1551/Cv-C/2011 ޤަޟިއްޔާގައި ބިން އައްޔަންކޮށްފައިވަނީ ޚަދީޖާ ޢަބްދުއްރަޙްމާން ހިމެނޭ ގޮތުން ހުރިހާ ބެހެނިވެރިންގެ ރުހުމާއެކު ކަމުގައިވާއިރު، އެ ނިންމުން ބަދަލުވާ ފަދައިން އެ ގޯތީގެ ބިމުން ނަގާފައިވާ ގޯޅިގަނޑުގެ ބިން އެއްކޮށްދިނުމަށް ސިވިލް ކޯޓުގެ ނަންބަރު 1832/Cv-C/2017 ޤަޟިއްޔާއިން ނިންމާފައިވާ ނިންމުމަކީ، ރެސްޖުޑިކާޓާގެ އުސޫލާ ޚިލާފު ނިންމުމެއް ކަމުގައި ބުނެ ފާހަގަ ކުރި ނުކުތާއެވެ.

ދެވަނަ ނުކުތާއަކީ، ސިވިލް ކޯޓުގެ ނަންބަރު 1832/Cv-C/2017 ޤަޟިއްޔާއިން މއ. ހަނދުވަރީމަންޒިލް ގޯތީގެ ބިމުން ނެގިފައިވާ ގޯޅިން 05 ބެހެނިވެރިންނަށް ލިބޭ މިންވަރު އެ ފަރާތްތަކަށް އެއްކޮށްދީފިނަމަ، ޚަދީޖާ ޢަބްދުއްރަޙްމާނަށް ލިބުނު ބައިގައި، ގައި އޭނާ ކޮށްފައިވާ ޢިމާރާތްތަކަށް ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ދީފައިވާ ހުއްދަތައް ބާޠިލުވެ، އެ ޢިމާރާތްތަކުގެ ބޭނުން ކެނޑިދާނެ ކަމުގައި ބުނެ ފާހަގަ ކުރި ނުކުތާއެވެ.

މި މައްސަލަ ހައިކޯޓުން ނިންމުމުގައި ފަނޑިޔާރުންގެ މެދުގައި ރައުޔު ތަފާތުވެފައިވެއެވެ. މި ގޮތުން އަޤައްލިއްޔަ ރައުޔުގައި ވަނީ ސިވިލް ކޯޓުގެ ނަންބަރު 1832/Cv-C/2017 ޤަޟިއްޔާއަކީ، އެ ކޯޓުގެ ނަންބަރު 1551/Cv-C/2011 ޤަޟިއްޔާގައި ހިމެނޭ ބެހެނިވެރިން އެއްބަސްވެގެން އެ މައުޟޫޢުގައި ގޮތް ކަނޑައަޅާފައިވާ މައުޟޫޢެއް އަލުން އުޅުވާލުން ކަމަށާއި، އެއީ ސިވިލް ކޯޓުން ކުރިން ކޮށްފައިވާ އެ ކޯޓުގެ ނަންބަރު 1551/Cv-C/2011 ޤަޟިއްޔާގެ ޙުކުމް ހަމަ އެ ކޯޓުން ބަދަލު ކުރުމަށް ފުރުސަތު އޮތްކަމަށް ބަޔާންކޮށް ކޮށްފައިވާ ޙުކުމެއް ކަމުގައިވާތީ، ރެސްޖުޑިކާޓާ(Res Judicata) ގެ އުސޫލުތަކާ ޚިލާފަށް ކޮށްފައިވާ ޙުކުމެއް ކަމުގައެވެ. ވުމާއެކު ސިވިލް ކޯޓުގެ ނަންބަރު 1832/Cv-C/2017 ޤަޟިއްޔާގެ ޙުކުމަކީ ބާޠިލު ޙުކުމެއް ކަމުގައި ކަނޑައަޅަން ޖެހޭނެ ކަމުގައެވެ.

އަޣްލަބިއްޔަތު ރައުޔަށް ބަލާއިރު، އެ ރައުޔުގައި ސިވިލް ކޯޓުން މި މައްސަލައިގައި ކޮށްފައިވާ ޙުކުމަށް ތާއީދު ކޮށްފައިވެއެވެ. މި ފަދައިން ތާއީދު ކުރަމުން މައިގަނޑު ގޮތެއްގައި ބަޔާންކޮށްފައިވާ ސަބަބުތަކަކީ، ސިވިލް ކޯޓުން ވެސް އެ ކޯޓުގެ ނިންމުމުގައި ބަޔާންކޮށްފައިވާ ސަބަބުތަކެވެ. އެ ސަބަބުތައް މި ރައުޔުގެ 10 ވަނަ ޕެރެގްރާފުގައި ބަޔާންކުރެވިފައިވާތީ، އެ ސަބަބުތައް އިތުރަށް ތަކުރާރު ކުރަން ގަސްދުނުކުރަމެވެ.

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅި އިސްތިއުނާފީ ނުކުތާތައް

ހައިކޯޓަށް ޚަދީޖާ ޢަބްދުއްރަޙްމާންގެ ފަރާތުން ހުށަހެޅި އިސްތިއުނާފީ މައްސަލަ އޭނާއާ ދެކޮޅަށް ނިމުމުން ހައިކޯޓުގެ އެ ނިންމުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރަމުން ޚަދީޖާ ޢަބްދުއްރަޙްމާންގެ ފަރާތުން ފާހަގަ ކޮށްފައިވަނީ އަންނަނިވި ދެ ނުކުތާއެވެ.

ފުރަތަމަ ނުކުތާއަކީ، ސިވިލް ކޯޓުގެ ނަންބަރު 1551/Cv-C/2011 ޤަޟިއްޔާއިން މއ. ހަނދުވަރީމަންޒިލް ގޯތީގެ ބިން ޢައްޔަންކޮށް ގޯޅިއެއް ނަގާފައިވަނީ ހުރިހާ ބެހެނިވެރިން އެއްބަސްވެ ރުހިގެން ކަމުގައިވެފައި، އެ ޤަޟިއްޔާއިން ކޮށްފައިވާ ޙުކުމަށް ބަދަލު އަންނަ ގޮތަށް ސިވިލް ކޯޓުގެ ނަންބަރު 1832/Cv-C/2017 ޤަޟިއްޔާއިން ކޮށްފައިވާ ޙުކުމަށް ހައިކޯޓުން ތާއީދުކޮށް، މައްސަލަ ނިންމާފައިވަނީ ރެސްޖުޑިކާޓާގެ އުސޫލުތަކާ ޚިލާފަށް ކަމުގައި ބުނެ ފާހަގަ ކުރި ނުކުތާއެވެ.

ދެވަނަ ނުކުތާއަކީ، ސިވިލް ކޯޓުގެ ނަންބަރު 1832/Cv-C/2017 ޤަޟިއްޔާގައި ކަނޑައަޅާފައިވާ ގޮތަށް މއ. ހަނދުވަރީމަންޒިލް ގޯތިން ނަގާފައިވާ 73.69 އަކަފޫޓު (ފުޅާމިނުގައި 04 ފޫޓު) ގޯޅިން އިސްތިއުނާފު ރައްދުވާ ފަރާތްތަކަށް ލިބޭ މިންވަރު އެއްކޮށްދީފިނަމަ، އަދި އެ ގޯޅިގަނޑުގެ ފުޅާމިން 04 ފޫޓަށްވުރެ ކުޑަވެއްޖެނަމަ، މއ. ފަންވަރު ގޯތީގައި ކޮށްފައިވާ ޢިމާރާތްތައް ބޭނުންކުރުމަށް ދީފައިވާ ހުއްދަތައް ބާޠިލުވެ، އެ އިމާރާތުގެ ބޭނުން ކެނޑިދާނެ ގޮތަށް ކަމުގައިވާއިރު، އެ ނިންމުމަށް ހައިކޯޓުން ތާއީދުކޮށް ޙުކުމް ކުރުމަކީ ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުގެ 05 ވަނަ މާއްދާގެ (ހ) ގައި ކަނޑައަޅާފައިވާ އުސޫލާ ޚިލާފަށް އެ އުސޫލަށް ރިޢާޔަތް ކުރުމެއްނެތި ކޮށްފައިވާ ޙުކުމެއް ކަމުގައި ބުނެ ފާހަގަ ކުރި ނުކުތާއެވެ.

އިސްތިއުނާފީ ނުކުތާތަކަށް ދީފައިވާ ރައްދު

ޚަދީޖާ ޢަބްދުއްރަޙްމާންގެ ފަރާތުން ހުށަހެޅި އިސްތިއުނާފީ ދެ ނުކުތާގެ ރައްދުގައި އިސްތިއުނާފު ރައްދުވާ ފަރާތްތަކުން ބުނެފައިވަނީ މި މައްސަލައިގައި ވާހަކަ ދެކެވޭ ގޯޅިއަކީ އެ ފަރާތްތަކުގެ ޙައްޤު އެކުލެވިގެންވާ ގޯޅިއެއް ކަމަށާއި، އެ ގޯޅިން އެ ފަރާތްތަކަށް ނިސްބަތުން ޖެހޭ ބިން ގޯއްޗަށް އެއްކޮށް ދިނުމަށް އެދުމުގައްޔާއި، އަދި އެ އެދުމާ އެއްގޮތަށް ކޯޓުން މައްސަލަ ނިންމުމުގައި ޤާނޫނާ ޚިލާފު ކަމެއް އޮތްކަމަށް ޤަބޫލު ނުކުރާ ކަމުގައެވެ. އަދި އެ ފަދައިން ބިންތައް އެއްކޮށްދިނުމަކީ ކޯޓުތަކުން ޢަމަލު ކުރަމުން އަންނަ ގޮތްކަން މި މައްސަލައިގައި ސިވިލް ކޯޓުން ދޫކޮށްފައިވާ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުން އެނގޭ ކަމުގައެވެ.

މީގެ އިތުރަށް ޚަދީޖާ ޢަބްދުއްރަޙްމާނުގެ ބައިގައި ޢިމާރާތްކުރުމަށް ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ހުއްދަތައް ދިނުމުގައި ބަރޯސާވެފައިވަނީ ގޯޅި ގަނޑުގެ މިންތަކަށް ނޫންކަމަށާއި، އަދި އެ ހުއްދަތައް ދޫކޮށްފައިވަނީ މާލޭ ޕްލޭނިންގ ގަވާއިދާ (މީގެ ފަހުން "ޕްލޭނިންގ ގަވާއިދު) ޚިލާފަށް ކަމުގައްޔާއި، އަދި މި މައްސަލައިގައި ވާހަކަ ދެކެވޭ ގޯޅިގަނޑުގެ ބޭނުން ވެސް ޚަދީޖާ ޢަބްދުއްރަޙްމާން ހިފަމުން ދަނީ ކަމާބެހޭ އިދާރާތަކުން އެކަށައަޅާފައިވާ އުސޫލުތަކާ ޚިލާފަށް ކަމުގައެވެ.

ޝަރީޢަތުން ގޮތެއް ކަނޑައަޅަންޖެހޭ ކަންކަން

މި މައްސަލައިގައި ދެ ފަރާތުން ދެއްކި ވާހަކަތަކަށާއި، ހުށަހެޅުންތަކަށް ބަލާއިރު، ޝަރީޢަތުން ގޮތެއް ކަނޑައަޅަންޖެހޭ މައިގަނޑު ދެ ކަމެއް ފާހަގަ ކުރެވެއެވެ.

ފުރަތަމަ ކަމަކީ، ގޯއްޗެއްގެ ބިން ބައިކޮށް، ވަކިކުރުމުގައި ބެހެނިވެރިންގެ ރުހުމާއެކު ގޯތިން ނަގާފައިވާ ގޯޅިގަނޑެއްގެ ބިން، ފަހުން އެ ގޯތީގެ ބެހެނިވެރިންގެ ތެރެއިން ބައެއްގެ ބިމަށް އިތުރު ކުރުމަށް އެދި ހުށަހެޅިއިރު، އެ ގޯޅިގަނޑުގެ މިންތަކަށް ބަރޯސާވެ ބެހެނިވެރިޔަކު އެ ބެހެނިވެރިޔާގެ ބައިގައި އިމާރާތް ކޮށްފައި އޮތްއޮތުމަކީ އެ ގޯޅިގަނޑުގެ ބައެއް އެ މީސްމީހުންގެ ބައިގައި ހިމަނައި އެ ގޯޅިގަނޑު އެ މީސްމީހުންގެ ބަޔަށް އިތުރުކުރުމަށް ހުރަސްއަޅާނެ ކަމެއްތޯ ނުވަތަ ނޫންތޯ އެވެ.

ދެވަނަ ކަމަކީ، ބެހެނިވެރިންގެ މެދުގައި ޝަރީޢަތުން ބައިކޮށް ބިންވަކިކޮށް، ބިން ޢައްޔަންކޮށްދީފައި ވަނިކޮށް، ފަހުން އެ ގޯތީގެ ބިމުގެ އިންތިޒާމު އެ ބެހެނިވެރިންގެ މެދުގައި ހަމަޖެއްސުމަށް އިތުރު މައްސަލައެއް ކުރިން މައްސަލަ ބެލި ކޯޓުން ބެލުމަކީ ރެސްޖުޑިކާޓާގެ އުސޫލުތަކާ ތަޢާރުޟުވާނެ ކަމެއްކަން ނުވަތަ ނޫންކަމެވެ.

ގޯތި ބައިކުރުމުގައި ގޯޅިގަނޑެއް ނެގުން

ގޯއްޗެއް ބައިކުރުމަށްފަހު، ބައިކުރެވޭ ބައިބަޔަށް ވަދެނިކުތުމަށާއި، އެ ނޫން ބޭނުމަށްޓަކައިވެސް ގޯޅިއެއްގެ ބޭނުން ޖެހެއެވެ. މިފަދަ ގޯޅިއެއް ނަގައިގެން ގޯތި ބައިކުރުމަކީ ޤާނޫނު ހުރަސްއަޅާ ކަމެއް ނޫނެވެ. މި ފަދަ ހާލަތުގައި ގޯޅި ނެގިގެންދާނީ ގޯތީގެ ބެހެނިވެރިންގެ ބިމުން ބެހެނިވެރިންގެ ބަހެއް ޝަރީޢަތުން ހޯދުމަށް ފަހުގައެވެ. ވުމާއެކު، ގޯޅިގަނޑުގެ ބިމުގެ މައްޗަށް ގޯޅިގަނޑަށް އެ ބައެއްގެ ބިމުން ބިން ދީފައިވާ ބެހެނިވެރިންގެ ހައްގު ދެމި އޮންނާނެއެވެ. އެހެން ގޮތަކަށް ބުނާނަމަ، ބެހެނިވެރިން އެއްބަސްވެ، އެ ގޯޅިގަނޑުގެ ބިން އަލުން ގޯތީގެ ބިމުގެ ތެރެއަށް އެއްކޮށްދޭން އެދިއްޖެނަމަ، ނުވަތަ ޤާނޫނާއި ގަވާއިދު ހުއްދަކުރާ މިންވަރަކަށް އެ ގޯޅިގަނޑުގެ މިންތަކަށް އުނި އިތުރު ގެނައުމަށް ކޯޓަށް ހުށަހެޅުމުގެ ހައްގު އެ ބެހެނިވެރިންނަށް އޮންނާނެއެވެ.

މި އުސޫލުން ޝަރީޢަތުން ނިންމާފައިވާ ނިންމުމަކާ ގުޅުންހުރި ދެވަނަ މައްސަލައެއް ( އެއީ ބިންތަކެއް އެއްކުރުމުގެ މައްސަލައެއް ކަމުގައިވީ ނަމަވެސް، ބިމުން ނަގާފައިވާ ގޯޅިއަކަށް ބިން އުނިއިތުރު ކުރުމުގެ މައްސަލައެއް ކަމުގައިވީ ނަމަވެސް) ހުށަހެޅިއްޖެ ހާލަތެއްގައި، އެ ދެވަނަ މައްސަލަ ހިންގުމުގައި އެންމެ ފުރަތަމަ އެ ގޯތީގެ ބިމުގެ މައްސަލައިގައި ހިމެނުނު ބެހެނިވެރިންގެ އެއްވެސް ޙައްޤަކަށް އަސަރެއް ކުރޭތޯ ޝަރީޢަތުން ބަލަންޖެހޭނެއެވެ.

ގޯއްޗެއްގެ ބިން ބައިކުރުމުގެ ތެރޭގައި ނެގޭ ގޯޅިއެއް ހިމަނައިގެން ގޯތި ބައިކޮށް ބިން ޢައްޔަންކޮށް ނިމުމަށްފަހު، ޤާނޫނުގައި އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާ ހާލަތްތަކުގައި އެ ގޯޅިގަނޑުގެ މަންފާ ގޯޅިގަނޑު ބޭނުންކުރާ ނުވަތަ ގޯޅިގަނޑު ނިސްބަތްވާ އެންމެހައި ފަރާތްތަކަށް ލިބިގެންވާނެއެވެ. މިފަދަ މަންފާތަކުގެ ތެރޭގައި އެ ގޯޅިގަނޑުގެ މިންތަކަށް ބަރޯސާވެ އިމާރާތް ކުރުން ހިމެނެއެވެ.

ޢިމާރާތް ކުރުން

ޕްލޭނިންގ ގަވާއިދަކީ މާލޭގައި ކުރާ އިމާރާތްތަކުގެ ފަންނީ މިންގަނޑުތައް ތަފުސީލު ގޮތެއްގައި ލިޔެ ބަޔާންކޮށްފައިވާ ގަވާއިދެކެވެ. މި ގަވާއިދުގެ މަޤުޞަދަކީ ކުދި ގޯތިތައް އުސްކޮށް އިމާރާތް ކުރުމުން ދިމާވާ މައްސަލަތަކާއި އިސްރާފުވާ ޖާގަތައް މަދުކުރުމުގެ މަޤުސަދުގައި އިމާރާތުގެ އަކަމިނާއި އެވްރެޖް ފުޅާމިނުގެ ނިސްބަތުން އިމާރާތްކުރެވޭ އުސްމިން ކަނޑައެޅުމަށްޓަކައި މިންގަނޑުތަކެއް އެކުލަވާލައި އެ މިންގަނޑުތަކުގެ ސަބަބުން ހަދާ އިމާރާތްތަކުގެ ބައިބަޔަށް ފުރިހަމަ ވަޔާއި އަލިކަމާއި ރައްކާތެރިކަން ލިބޭނޭ ފަދަ ގޮތަކަށް އިމާރާތް ފަރުމާކުރުމަށް މަގުފަހި ކުރުމެވެ.

ޕްލޭނިންގ ގަވާއިދުގައި ވާގޮތުން މާލޭގައި އިމާރާތެއް ހަދަންވާނީ އެ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން އިމާރާތް ކުރުމަށް ބޭނުންވާ ކުރެހުންތަކާއި ލިޔުންތައް ހައުސިންގ މިނިސްޓްރީއަށް ހުށަހަޅައި، "އިމާރާތުގެ ކުރެހުން ފާސްކުރިކަމުގެ ލިޔުން" އަދި "އިމާރާތްކުރުމުގެ ހުއްދަ" ހޯދުމަށް ފަހުގައެވެ.

މީގެ އިތުރަށް ޕްލޭނިންގ ގަވާއިދު ބުނާ ގޮތުން އިމާރާތެއް ހަދަންވާނީ ހައުސިންގ މިނިސްޓްރީ އިން ފާސްކޮށްފައިވާ ކުރެހުންތަކާއި ލިޔުންތަކާ އެއްގޮތަށެވެ. އަދި ފާސްކޮށްފައިވާ ކުރެހުމަކަށް ނުވަތަ ލިޔުމަކަށް ބަދަލެއް ގެންނަންވާނީ ގަވާއިދުން ހައުސިންގ މިނިސްޓްރީއަށް ހުށަހަޅައި ފާސްކުރުމަށް ފަހުގައެވެ.

ޕްލޭނިންގ ގަވާއިދުގައި އިމާރާތް ޑިޒައިންކުރުމުގައި އަމަލުކުރަންޖެހޭ ވަކިވަކި ތަފުސީލުތަކަށް ބަލާއިރު، އިމާރާތް ޑިޒައިން ކުރުމުގައި އިމާރާތުގެ ބައިތަކަށް ވަޔާއި އަލިކަން ފޯރުވުމަށްޓަކައި އިމާރާތަކުގެ ކޮންމެ ބައެއްގެ ތަޅުމުގެ ބޮޑުމިނުގައި %10 (ދިހައެއް އިންސައްތަ) އަށްވުރެ ކުޑަނުވާ މިންވަރަކަށް އިމާރާތް ނުކޮށްވާ ހުސް ޖާގައަކާ ދިމާވާ ގޮތަށް ހުޅުވުން (އޯޕަނިންގ) އެއް އޮންނަންވާނެ ކަމުގައި ބަޔާންކޮށްފައިވެއެވެ. އަދި މިފަދަ ހުޅުވުންތަކަކީ، ކުޑަދޮރާއި، އާނގަފަދަ ހުޅުވުންތައް ކަމަށާއި، މިފަދަ ހުޅުވުމަކުން ވެންޓިލޭޓްވާނެ ކަމަށް ބެލެވޭނީ ހުޅުވުމާ ދިމާއިން ފެށިގެން 06 (ހައެއް) މީޓަރުގެ ދުރުމިން ހުރެގެންކަން މި ގަވާއިދުން އެނގެއެވެ. މީގެ އިތުރަށް އިމާރާތް ނުކޮށްވާ ހުސްޖާގައެއްގައި ހުރަހެއް ނެތި ކުޑަވެގެން 600 x 600 (ހަ ސަތޭކަ ގުނަ ހަ ސަތޭކަ) މިލިމީޓަރ ހުންނަންވާނެ ކަމުގައިވެސް މި ގަވާއިދުގައި ބަޔާންވެފައިވެއެވެ.

އިމާރާތެއްގެ ކުރެހުން ފާސްކޮށް، އިމާރާތް ކުރުމުގެ ހުއްދަ ދިނުމުގައި ހުއްދަދެވޭ އިމާރާތުގެ ވެންޓިލޭޝަން ބައިކުރެވިފައިވާ ގޯއްޗެއްގެ ގޯޅިއާ ދިމާލަށް ހުންނަ ހާލަތުގައި، ކުރެހުން ފާސްކޮށް، އިމާރާތް ކުރުމުގެ ހުއްދަ ދިނުމުގެ ކުރިން އެ ގޯޅިގަނޑު އެބައެއްގެ ގޯތީގެ ބިމުން ނެގިފައިވާ ފަރާތްތަކުން އެކަމާމެދު ދެކޭގޮތް ބެލުން ޕްލޭނިންގ ގަވާއިދުން ލާޒިމުކޮށްފައި ނުވެއެވެ.

އުސޫލުތައް ތަޠުބީޤުކުރުން

މި މައްސަލައަށް ބަލާއިރު، ސިވިލް ކޯޓުގެ ނަންބަރު 1551/Cv-C/2011 ޤަޟިއްޔާގައި މއ. ހަނދުވަރީމަންޒިލް ގޯތި ބައިކޮށް ބިން ޢައްޔަން ކުރުމަށް ހުރިހާ ބެހެނިވެރިން އެއްބަސްވެފައިވަނީ މާލޭ ސިޓީ ކައުންސިލްގެ ނަންބަރު 425-C/144/2011/447 (20 ޑިސެމްބަރ 2011) ސިޓީއާއެކުގައިވާ ޗާޓުގައިވާ ގޮތާ އެއްގޮތަށް ދިލްބަހާރު މަގުން ވަދެވޭ ގޮތަށް، ދިލްބަހާރުމަގާވީ ފަރާތުން ގޯތީގެ މެދުން، ހުޅަނގުން އިރަށް 04 ފޫޓު ފުޅާ މިނުގެ 73.69 އަކަފޫޓުގެ ގޯޅިއެއް ހިމަނައިގެންކަން ސިވިލް ކޯޓުގެ އެ ޤަޟިއްޔާގެ ނިންމުމުން އެނގެއެވެ. މި ޤަޟިއްޔާ އެ ކޯޓުން ނިމިފައިވަނީ 31 ޖެނުއަރީ 2012 ގައެވެ.

ސިވިލް ކޯޓުގެ ނަންބަރު 1551/Cv-C/2011 ޤަޟިއްޔާ ނިމުނު ފަހުން މއ. ހަނދުވަރީމަންޒިލް ގޯތިން ބައެއް ލިބުނު ޚަދީޖާ ޢަބްދުއްރަޙްމާން އޭނާއަށް ލިބުނު ބައިގައި ގައި ޢިމާރާތް ކުރުމަށްޓަކައި، އިމާރާތުގެ ކުރެހުން ފާސްކުރުމަށް ހައުސިންގ މިނިސްޓްރީއަށް ހުށަހެޅުމުން 08 ސެޕްޓެމްބަރ 2016 ގައި އެ ކުރެހުން ފާސްކޮށްފައިވެއެވެ. އަދި މި ކުރެހުމާ އެއްގޮތަށް އިމާރާތް ކުރުމުގެ ހުއްދަވެސް އެ ތާރީޚުގައި ޚަދީޖާ ޢަބްދުއްރަޙްމާނަށް ދީފައިވެއެވެ. އަދި އިމާރާތް ކޮށް ނިންމުމަށްފަހު، އިމާރާތް ބޭނުން ކުރުމުގެ ހުއްދަ ޚަދީޖާ ޢަބްދުއްރަޙްމާނަށް އެ މިނިސްޓްރީން ދީފައިވަނީ 03 އޮގަސްޓް 2017 ގައެވެ.

މއ. ފަންވަރުގައި ޚަދީޖާ ޢަބްދުއްރަޙްމާން ކޮށްފައިވާ ޢިމާރާތުގެ ބޭނުންކުރުމުގެ ހުއްދަ ދިނުމުގެ މަހެއްހައި ދުވަސްކޮޅެއް ކުރިން، 12 ޖުލައި 2017 ގައި ޚަދީޖާ ޢަބްދުއްރަޙްމާން ފިޔަވައި މއ. ހަނދުވަރީމަންޒިލް ގޯތިން ލިބުނު 05 ބެހެނިވެރިން ސިވިލް ކޯޓަށް، މި މައްސަލައިގައި ވާހަކަ ދެކެވޭ ގޯޅިގަނޑުން އެ ފަރާތްތަކަށް ނިސްބަތުން ޖެހޭ ބިން އެ ފަރާތްތަކުގެ ގޯތީގެ ބިމަށް އެއްކޮށްދިނުމަށް އެދި މައްސަލަ ހުށަހަޅާފައިވެއެވެ. މި މައްސަލަ ހުށަހެޅި ފަރާތްތަކުން އެދުނު ގޮތަށް، މި މައްސަލައިގައި ވާހަކަ ދެކެވޭ ގޯޅިން މި މައްސަލަ ހުށަހެޅި ފަރާތްތަކަށް ނިސްބަތުން ޖެހޭ ބިން އެ ފަރާތްތަކުގެ ބަޔަށް އެއްކޮށްދީ، ސިވިލް ކޯޓުން މި މައްސަލަ ނިންމާފައިވަނީ 26 އޮކްޓޯބަރ 2017 ގައެވެ. މި މައްސަލަ ސިވިލް ކޯޓުގައި ކުރިއަށް ދިޔައިރު، ޚަދީޖާ ޢަބްދުއްރަޙްމާންގެ ބަހެއް ހޯދާފައިނުވެއެވެ. ނަމަވެސް، ޚަދީޖާ ޢަބްދުއްރަޙްމާނަށް ލިބިފައިވާ ބައިގައި ޢިމާރާތް ކުރުމާބެހޭ ހުރިހާ ލިޔެކިޔުންތަކެއްހެން މި މައްސަލައިގައި ސިވިލް ކޯޓުން ހޯދާފައިވެއެވެ. އަދި މި ލިޔުންތައް ޝަރީޢަތް ނިމުނު ގޮތުގައި ރިޕޯޓުގައި ހިމަނާފައިވެއެވެ.

ގޯޅިގަނޑުގެ ބިން އެއްކޮށްދިނުމަށް ސިވިލް ކޯޓުގެ ނަންބަރު 1832/Cv-C/2017 ޤަޟިއްޔާއިން ނިންމިއިރު، އެ ގޯޅިގަނޑުގެ މިންތަކަށް ބަރޯސާވެ، ޚަދީޖާ ޢަބްދުއްރަޙްމާނަށް މއ. ހަނދުވަރީމަންޒިލް ބައިކޮށްގެން ލިބުނު ބައިގައި ޢިމާރާތް ކުރުމަށް ބޭނުންވާ ހުއްދަތައް ހައުސިން މިނިސްޓްރީއިން ދީފައިވެއެވެ. މިފަދައިން ހުއްދަ ދިނުމުގައި، ޚަދީޖާ ޢަބްދުއްރަޙްމާން ފިޔަވައި، އެ ގޯޅިގަނޑުގެ ބިމުގައި ހިއްސާވާ އެހެން ފަރާތްތަކުގެ ބަހެއް ހޯދުމަކީ ޕްލޭނިންގ ގަވާއިދުގެ ދަށުން އެ މިނިސްޓްރީއަށް ލާޒިމުކަމެއް ނޫނެވެ. އަދި މއ. ހަނދުވަރީމަންޒިލް ގޯތި ބައިކޮށް ގޯޅިއެއް ނެގުމުގައި، އެ ގޯޅިއަކީ، ވަކި މުއްދަތަކަށް ނަގާފައިވާ ގޯޅިއެއްކަން ނުވަތަ އެ ގޯޅިގަނޑު ބޭނުންކުރުމުގައި ވަކި ޝަރުޠުތަކަކަށް އެއްބަސްވެގެން ބެހެނިވެރިން ނަގާފައިވާ ގޯޅިއެއްކަން އެ ގޯޅި ނަގައި މއ. ހަނދުވަރީމަންޒިލް ބަހައި ބިން އައްޔަންކުރި ސިވިލް ކޯޓުގެ ނިންމުމުން އެނގެން ނެތެވެ. ވުމާއެކު، ޚަދީޖާ ޢަބްދުއްރަޙްމާން އޭނާއަށް ލިބުނު ބައިގައި ޢިމާރާތްކުރުމުގައި އެ ގޯޅިގަނޑުގެ ބޭނުން ހިފުމުގައި އެ ގޯޅިގަނޑުގެ ބިމުގައި ހައްގުއޮތް އެހެން ފަރާތްތަކުގެ ބަހެއް ހޯދަން ޖެހޭނެކަމުގައި ނުބެލެވެއެވެ. އަދި މި ހާލަތުގައި އެ ގޯޅިގަނޑު މަންފާ އެ ގޯޅިގަނޑުގެ ބިމުގައި ހިއްސާވާ އެހެން ބައިވެރިންނެކޭ އެއްފަދައިން ލިބިގަތުމުގެ ހައްގު ޚަދީޖާ ޢަބްދުއްރަޙްމާނަށް ލިބިގެންވާ ކަމުގައި ބަލަންޖެހެއެވެ.

އިސްތިއުނާފު ކުރެވިފައިވާ މި މައްސަލައަށް ބަލާއިރު، ހައިކޯޓުގައި ޚަދީޖާ ޢަބްދުއްރަޙްމާންގެ ފަރާތުން ދެއްކި ވާހަކަތަކުގައި މައިގަނޑު ގޮތެއްގައި ފާހަގަކޮށްފައިވަނީ، ސިވިލް ކޯޓުގެ ނަންބަރު 1832/Cv-C/2017 ޤަޟިއްޔާގައި ނިންމާފައިވާ ފަދައިން ގޯޅިގަނޑުން އިސްތިއުނާފު ރައްދުވާ ފަރާތްތަކުގެ ބިމަށް ބިން އެއްކޮށްފި ހާލަތެއްގައި އޭނާގެ ބައިގައި، މއ. ފަންވަރުގައި ކޮށްފައިވާ އިމާރާތުގެ ބޭނުން ނުކުރެވޭނެ ކަމުގައެވެ.

މިކަމަށް ބަލާއިރު، މިއީ ސިވިލް ކޯޓުން ގޯޅިގަނޑުގެ ބިން އެއްކޮށްދިނުމަށް ބެލި އެ ކޯޓުގެ ނަންބަރު 1832/Cv-C/2017 މައްސަލައިގައި، ގޯޅިގަނޑުގެ ބިން އެއްކޮށް ދިނުމުން މއ. ފަންވަރުގައި ކޮށްފައިވާ އިމާރާތަށް ކޮށްފާނެ އަސަރު ޝަރީޢަތުން ބަލާފައިވެއެވެ. މި ގޮތުން އެ މައްސަލައާ ގުޅިގެން 01 އޮކްޓޯބަރ 2017 ގައި ސިވިލް ކޯޓުން މިނިސްޓްރީ އޮފް ހައުންސިންގ އެންޑް އިންފްރާސްޓްރަކްޗަރއަށް ފޮނުވި ސިޓީގެ ޖަވާބުގައި އެ މިނިސްޓްރީން އަންނަނިވި ފަދައިން ބަޔާން ކޮށްފައިވެވެ.

"މާލޭ ޕްލޭނިންގ ގަވާއިދުގެ އެއްވަނަ ބައިގެ 05 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުން އިމާރާތުގެ ބައިތަކަށް ވަޔާއި އަލިކަން ފޯރުވުމަށްޓަކައި، އިމާރާތުގެ ކޮންމެ ބައެއްގެ ތަޅުމުގެ ބޮޑުމިނުގައި %10 އަށްވުރެ ކުޑަ ނުވާ މިންވަރަކަށް އިމާރާތް ނުކޮށްވާ ހުސް ޖާގައަކާ ދިމާވާ ގޮތަށް ހުޅުވުން (އޮޕަނިންގ) ހުންނަންވާނެއެވެ. އަދި އިމާރާތް ނުކޮށްވާ ހުސްޖާގައެއްގައި ހުރަހެއް ނެތި 600 x 600 މިލިމީޓަރު ހުންނަންވާނެއެވެ. ވީމާ، މއ. ފަންވަރުއެވެ. ކިޔާ ގޯއްޗާއި އިންވެގެން އޮތް 04 ފޫޓު ގޯޅި އެއްކޮށްލައިފިނަމަ، އިމާރާތުގެ ފުރަތަމަ ފަންގިފިލައިން ފެށިގެން ޓެރަސް ލެވެލްއާ ހަމައަށް ބެޑްރޫމްތަކާއި، ފާޚާނާތަކަށް ވެންޓިލޭޓެއް ނުވާނެއެވެ."

މި ޢިބާރާތަށް ބަލާއިރު، ސިވިލް ކޯޓުގެ ނިންމުމާ އެއްގޮތަށް ގޯޅިގަނޑުގެ ބިން އެއްކޮށްފި ހާލަތެއްގައި، މއ. ފަންވަރުގައި ކޮށްފައިވާ އިމާރާތުގެ ވެންޓިލޭޝަނަށް ހުރަސް އެޅޭނެކަން ސާފުކޮށް އެނގެއެވެ. ވެންޓިލޭޝަނަށް ހުރަސް އެޅޭ ހާލަތުގައި އިމާރާތުގެ ބޭނުން ދިރިއުޅުމަށްޓަކައި ނުހިފޭނެއެވެ. މިކަން ޕްލޭނިންގ ގަވާއިދުގައިވާ ކަމާބެހޭ ބައިތައް ކިޔާލުމުން ސާފުކޮށް އެނގެއެވެ.

ކަންމިހެން އޮތުމުން، މި މައްސަލައިގައި އެންމެ އަދުލުވެރި ގޮތަކީ، ސިވިލް ކޯޓުގެ ނަންބަރު 1551/Cv-C/2011 ޤަޟިއްޔާގައި މއ. ހަނދުވަރީމަންޒިލް ގޯތި ބައިކޮށް، ބިން އައްޔަން ކުރުމުގައި ނަގާފައިވާ ގޯޅި އެ ގޮތުގައި ބޭއްވުން ކަމުގައި އަހުރެން ދެކެމެވެ. އަދި މއ. ހަނދުވަރީމަންޒިލް ބައިކުރުމުގައި ނަގާފައިވާ ގޯޅިގަނޑުގެ ބިން އެއްކޮށްދިނުމަށް ސިވިލް ކޯޓުގެ ނަންބަރު 1832/Cv-C/2017 ޤަޟިއްޔާއަށް ތާއީދުކޮށް، ހައިކޯޓުގެ ނަންބަރު2018/HC-A/115 ޤަޟިއްޔާއިން ނިންމާފައިވަނީ ޕްލޭނިންގ ގަވާއިދާ ޙަވާލާދީ ޚަދީޖާ ޢަބްދުއްރަޙްމާންގެ ފަރާތުން ދެއްކި ވާހަކަތަކަށް ރިޢާޔަތްކޮށްގެން ކަމުގައި އަހުރެން ނުދެކެމެވެ. އަދި ހައިކޯޓުގެ އެ ނިންމުމަކީ ޤާނޫނާ ޚިލާފަށް ނިންމާފައިވާ ނިންމުމެއް ކަމުގައި ވެސް އަހުރެން ދެކެމެވެ.

ޚަދީޖާ ޢަބްދުއްރަޙްމާން އޭނާއަށް ލިބުނު ބައިގައި ޢިމާރާތް ކުރުމުގެ ކުރިން ގޯޅިގަނޑުގައި ހިއްސާވާ އެހެން ބެހެނިވެރިންގެ ހުއްދައެއް ހޯދުން ލާޒިމުކޮށް، އެހެން އިންތިޒާމެއް ހަމަޖެހިފައި އޮތްވައި، އެފަދައިން ހުއްދަ ހޯދުމެއް ނެތި، ނުވަތަ މާލޭ ޕްލޭނިންގ ގަވާއިދުގެ ދަށުން ޚަދީޖާ ޢަބްދުއްރަޙްމާނަށް ޢިމާރާތް ކުރުމުގެ ހުއްދަ ދިނުމުގެ ކުރިން ގޯޅި ގަނޑުގައި ހިއްސާވާ ބެހެނިވެރިންގެ ހުއްދަ ހޯދުން ލާޒިމު ކޮށްފައިވަނިކޮށް، އެފަދައިން ހުއްދަ ހޯދުމެއްނެތި، އިމާރާތްކުރި ފަހުން، ގޯޅިގަނޑުގެ ބިން އެއްކުރުމަށް ހުށަހެޅުނު މައްސަލައެއް ނަމަ، އަހުރެންގެ މި ރައުޔު ތަފާތުވީހެވެ. އަދި ސިވިލް ކޯޓުގައި ގޯޅިގަނޑުގެ ބިން އެއްކުރުމުގެ މައްސަލަ ކުރިއަށް ގެންދިއުމުގައި، މއ. ފަންވަރު ގޯތީގައި ކޮށްފައިވާ ޢިމާރާތާ ގުޅޭ ލިޔެކިޔުންތައް ހޯދައި، ގޯޅިގަނޑުގެ ބިން އެއްކުރުމުގެ ސަބަބުން މއ. ފަންވަރު ގޯތީގައި ކޮށްފައިވާ ޢިމާރާތަށް ކޮށްފާނެ އަސަރެއް ބަލާފައި ނެތްނަމަ، ނުވަތަ މއ. ފަންވަރު ގޯތީގައި އިމާރާތްކުރުމުގައި ގޯޅިގަނޑުގެ މިންތަކަށް ބަރޯސާވެފައިވާކަން ނުވަތަ ނޫންކަން އެނގެން ނެތްނަމަ، މިކަންކަން ބަލައި ވަޒަންކުރުމަށް މި މައްސަލަ އަލުން ބެލުމަށްޓަކައި ސިވިލް ކޯޓަށް ތަޙުވީލު ކުރުމަށް އަހުރެން ނިންމީމުހެވެ.

ރެސްޖުޑިކާޓާގެ އުސޫލުތައް ހިނގާނެތަ؟

ރެސްޖުޑިކާޓާގެ އުސޫލުތައް އުސްއަލިކޮށް ޚަދީޖާ ޢަބްދުއްރަޙްމާންގެ ފަރާތުން ހުށަހަޅާފައިވާ އިސްތިއުނާފީ ނުކުތާއަށް ބަލާއިރު، ޚަދީޖާ ޢަބްދުއްރަޙްމާންގެ ފަރާތުން ފާހަގަކޮށްފައިވަނީ، ސިވިލް ކޯޓުގެ ނަންބަރު 1551/Cv-C/2011 ޤަޟިއްޔާއިން ބިން އައްޔަންކުރެވުނީ މއ. ހަނދުވަރީމަންޒިލް ގޯތީގެ އެންމެހައި ބެހެނިވެރިންގެ ރުހުމާއެކުގައި ކަމުގައެވެ. އަދި އެއަށްފަހު، އެ ކޯޓުގެ ނަންބަރު 1832/Cv-C/2017 ޤަޟިއްޔާއިން އެ ގޯތި ބެހުމުގައި ނަގާފައިވާ ގޯޅިގަނޑުގެ ބިން އެއްކޮށްދިނުމަށް ނިންމީ، ކުރީގެ ޤަޟިއްޔާގައި ހިމެނުނު ހުރިހާ ބެހެނިވެރިންގެ ރުހުމެއް ހޯދުމަކާ ނުލައެވެ. އަދި ފަހުގެ ޤަޟިއްޔާގެ ޙުކުމަކީ، ކުރީގެ ޤަޟިއްޔާގެ ޙުކުމަށް ބަދަލު އަންނަ ގޮތަށް އެ ކޯޓުން ކޮށްފައިވާ ޙުކުމެއް ކަމުގައެވެ. ކަންމިހެން އޮތުމުން ސިވިލް ކޯޓުން ފަހުން ނިންމި ނިންމުމަކީ، އެއް މައުޟޫޢެއްގައި އެއް ޚަޞްމުންތަކެއްގެ މެދުގައި އިސްތިއުނާފީ އުސޫލުތަކުގެ ބޭރުން އެއް ކޯޓަކުން ނިންމާފައިވާ ނިންމުމެއް ކަމުގައިވާތީ، އެ ނިންމުމަކީ ރެސްޖުޑިކާޓާގެ އުސޫލުތަކާ ޚިލާފު ނިންމުމެއް ކަމުގައެވެ. މިއީ އިސްތިއުނާފު ކުރެވިފައިވާ މައްސަލައިގައި ހައިކޯޓުގެ އަޤައްލިއްޔަ ރައުޔުގައި މި ނުކުތާއާ ގުޅިގެން ބަޔާންކޮށްފައިވާ ގޮތް ވެސް މެއެވެ.

ރެސްޖުޑިކާޓާގެ އުސޫލުތައް ތަފުސީލުކޮށް، ސުޕްރީމް ކޯޓުން ބަޔާންކޮށްފައިވާ މައްސަލައަކީ، ބަނީ ހޯލްޑިންގްސް (ވީ.ބީ.އައި) ލިމިޓެޑް ވ. މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ މައްސަލައެވެ. ޚަދީޖާ ޢަބްދުއްރަޙްމާންގެ ފަރާތުން ފާހަގަކުރާ ރެސްޖުޑިކާޓާގެ އުސޫލުތަކަކީ، ބަނީ ހޯލްޑިންގްސް (ވީ.ބީ.އައި) ލިމިޓެޑް ވ. މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ މައްސަލައިގައި ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދު ފާހަގަކުރައްވާފައިވާ އިޝޫ އެސްޓޮޕަލްގެ އުސޫލުތަކެވެ. އަހުރެން އެ އުސޫލުތައް ތުނޑުންތުނޑަށް ތަކުރާރު ކުރާކަށް ނެތީމެވެ.

ސިވިލް ކޯޓުން މއ. ހަނދުވަރީމަންޒިލް ގޯތީގެ ބިން ވަކިކުރުމަށް ހިންގި އެ ކޯޓުގެ ނަންބަރު 1551/Cv-C/2011 ޤަޟިއްޔާއާއި، ބިން ވަކިކުރުމުގައި އެ ގޯތިން ނަގާފައިވާ ގޯޅިގަނޑުގެ ބިން ގޯތީގެ ބެހެނިވެރިންގެ ތެރެއިން ޚަދީޖާ ޢަބްދުއްރަޙްމާން ފިޔަވައި އެހެން ފަރާތްތަކުގެ ބިމަށް އެއްކޮށްދިނުމަށް ނިންމި، އެ ކޯޓުގެ ނަންބަރު 1832/Cv-C/2017 ޤަޟިއްޔާއަށް ބަލާއިރު، މި ދެ ޤަޟިއްޔާގައި ހިމެނެނީ އެއް ބައެކެވެ. ވާހަކަ ދެކެވެނީ އެއް ގޯއްޗަކާ މެދުގައެވެ. މަތިމަތިން ބަލާއިރު، މިއީ އެއްކަމެއްގައި ނުވަތަ އެއް ނުކުތާއެއްގައި އެއް ކޯޓަކުން ދެ ޙުކުމެއް ކުރުމެވެ. މިކަމަށް ރެސްޖުޑީކާޓާގެ މައިގަނޑު އެއް އުސޫލު ކަމުގައިވާ އިޝޫ އެސްޓޮޕަލް ހުރަސްއަޅައެވެ. އެހެން ނަމަވެސް ހަގީގަތުގައި ވެސް ކަންއޮތީ މި ފަދައިން ކަން ދެނެގަތުމުގައި މި މައްސަލަތަކުގެ ފުނަށް ފީނަން ޖެހެއެވެ. މި މައްސަލަތަކުގެ ޠަބީޢަތަށް ރިޢާޔަތް ކުރަންޖެހެއެވެ.

ބިމާބެހޭ ބައެއް މައްސަލަތަކުގައި ކޯޓުގެ ދައުރަކީ، އެއް މާނައެއްގައި ރެކޯޑު ބެލެހެއްޓުމުގެ ދައުރެކެވެ. މިފަދައިން ރެކޯޑު ބެލެހެއްޓުމުގެ ދައުރެއް ބިމާބެހޭ ޤާނޫނާއި، އެ ޤާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދުތަކުގައި ދީފައިވަނީ، ހަރުދަނާ އިންތިޒާމެއްގެ ތެރެއިން ބިމާބެހޭ ގޮތުން އުފެދޭ ޚުޞޫމަތްތައް ނިންމައި، އެ ނިންމުންތަކާމެދު އިތުރު ބަހުސްކުރުމުގެ ޖާގަ ނުދެވޭނެފަދަ ގޮތަކަށް އެ ރެކޯޑު ބެލެހެއްޓުމުގެ އިންތިޒާމު ހަމަޖެއްސުމަށް ކަމުގައި ބެލެވެއެވެ. މި ގޮތުން ބިމާބެހޭ ޤާނޫނަށް ބަލާއިރު، އެ ޤާނޫނުގެ 24 ވަނަ މާއްދާގެ (ނ) ގައި އަމިއްލަ ބިންބިމާއި، ގޯތި ރަޖިސްޓްރީ ކުރުމުގައި، އަމިއްލަ ބިމެއްގެ މިލްކުވެރިކަން ބަދަލުވާ ހާލަތުގައި، މިލްކުވެރިކަން އަލުން ލިބުނު ފަރާތަށް ބިމުގެ ނުވަތަ ގޯތީގެ ރަޖިސްޓްރީ ހެދުމުގައި "ޝަރުޢީ ލިޔުމެއް" ބޭނުންވާނެ ކަމުގައި ބަޔާންކޮށްފައިވެއެވެ. މިފަދަ އުސޫލެއް ބަންޑާރަގޯއްޗާއި އިމާރާތް ރަޖިސްޓްރީ ކުރުމާބެހޭ ގަވާއިދުގައި ވެސް ބަޔާން ކޮށްފައިވެއެވެ. މި ގަވާއިދުގެ 10 ވަނަ މާއްދާއަށް ބަލާއިރު، ނުއުފުލޭ މުދާ ތަރިކައިން ލިބިގެން ލިބޭ ބަންޑާރަ ގޯއްޗެއް ނުވަތަ ބަންޑާރަ ގޯއްޗަކުން ބައެއް ރަޖިސްޓްރީކުރަން ހުށަހަޅާއިރު، ރަޖިސްޓްރީކުރަން އެދޭ ގޯތި ނުވަތަ ގޯތީގެ ބައިގައި ހިމެނޭ އިމާރާތް މިލްކުވެފައިވާ ކަމުގެ ޝަރުޢީ ލިޔުމެއް ހުށަހަޅަންޖެހެއެވެ. މިފަދަ ޝަރުޢީ ލިޔުންތަކަކީ، ދިވެހިރާއްޖޭގެ ޤާނޫނީ ނިޒާމުގައި، އެފަދަ މައްސަލަތައް ބަލައި ކޯޓުތަކުން ނިންމާ ނިންމުންތަކެވެ.

ބިމާބެހޭ ބައެއް މައްސަލަތަކަކީ، ކުރިން މި ބަޔާންކުރި އުސޫލުން ޝަރުޢީ ލިޔުމެއް ނުވަތަ ރެކޯޑެއް އޮތުމުގެ ބޭނުމުގައި، ބިމުގެ ރަޖިސްޓްރީއަށް ބަދަލެއް ގެނައުމަށްޓަކައި، ޚުޞޫމަތެއް ނެތި ކޯޓުތަކުން ހިންގާ މައްސަލަތަކެކެވެ. މި މައްސަލަތަކުގައި ދަޢުވާ ރައްދުވާ ފަރާތެއް ނުވަތަ ޚުޞޫމަތް ރައްދުވާ ފަރާތެއް ނުހިމެނެއެވެ. މީގެ އެއް މިސާލަކީ އަހުރެންގެ ކުރިމަތީގައި މި އޮތް މައްސަލައެވެ. މިފަދަ މައްސަލަތައް ރެސްޖުޑިކާޓާގެ އުސޫލުން އިސްތިސްނާވާން ޖެހޭނެ ކަމުގައި އަހުރެން ދެކެމެވެ. އެހެނީ، އެ އުސޫލުތައް މިފަދަ މައްސަލަތަކަށް ތަޠުބީޤު ކުރާނަމަ، ގޯއްޗެއް ބައިކުރުމުގައި، ބެހެނިވެރިން ވަކި ގޮތަކަށް އެއްބަސްވުމަށްފަހު، އެ ގޯތި ދެވަނަ ފަހަރަށް ބެހެނިވެރިންގެ މެދުގައި އެހެން ގޮތަކަށް ބައިވެފައި އޮތުމުގެ ބޭނުން ބޮޑުވެގެން އެ ގޯތި ބައިކުރުމަށްޓަކައި ދާންޖެހޭނީ އިސްތިއުނާފީ ފުރަތަމަ މަރުޙަލާގެ ކޯޓަށެވެ. އެއަށްފަހު އެ މަރުޙަލާއިން ނިމުމުން ދެން އެ ގޯތި ބައިކުރުމުގެ އެހެން މައްސަލައެއް ބެލޭނީ އިސްތިއުނާފީ އެންމެ ފަހު މަރުޙަލާއިންނެވެ. ބިމަކީ، އެ ބިމުގެ ބެހެނިވެރިންގެ ޙައްޤު އޮތް އެއްޗަކަށްވެފައި، މިފަދަ އުސޫލަކުން ޚުޞޫމަތެއް ނެތި ހަމައެކަނި ޝަރުޢީ ލިޔުމެއް އޮތުމުގެ ބޭނުމަށްޓަކައި ހިންގޭ މިފަދަ މައްސަލަތަކަށް ރެސްޖުޑިކާޓާގެ އުސޫލު ހިނގާނަމަ، ބިމުގެ ޙައްޤުވެރިންގެ ޙައްޤުތައް ހިމާޔަތް ނުކުރެވޭނެއެވެ.

ކަންމިހެން އޮތުމުން، ބިމާބެހޭ ރެކޯޑުތައް އެއް އުސޫލަކުން، ހަރުދަނާ އިންތިޒާމެއްގެ ތެރެއިން ބެލެހެއްޓުމަށް، އަދި ވަކިން ޚާއްޞަކޮށް، ޝަރުޢީ ލިޔުމެއް އެ ބިމަކާ ބެހޭ ކަމެއް ނިންމުމުގައި އޮތުން ބިމާބެހޭ ޤާނޫނު ލާޒިމުކުރާ ހާލަތުގައި އެ ބޭނުމަށްޓަކައި ޝަރުޢީ ކޯޓުތަކުގައި ހިންގާ މައްސަލަތަކަކީ، ރެސްޖުޑިކާޓާގެ އުސޫލުތަކުން އިސްތިސްނާވާ މައްސަލަތަކެއް ކަމުގައި އަހުރެން ދެކެމެވެ. އަދި މި އުސޫލުން ސިވިލް ކޯޓުގެ ނަންބަރު 1832/Cv-C/2017 ޤަޟިއްޔާ އެ ކޯޓުން ބަލައިގަނެ، މައްސަލަ ހިންގައި ގޮތެއް ކަނޑައެޅުމަކީ ރެސްޖުޑިކާޓާގެ އުސޫލުތަކާ ޚިލާފަށް އެ ކޯޓުން ނިންމާފައިވާ ނިންމުމެއް ކަމުގައި އަހުރެން ނުދެކެމެވެ.

މައްސަލަ ނިންމަން ފެންނަ ގޮތް

މަތީގައި ތަފުސީލުކޮށް ބަޔާންކުރެވުނު ފަދައިން، ސިވިލް ކޯޓުގެ ނަންބަރު 1832/Cv-C/2017 ޤަޟިއްޔާގައި މއ. ހަނދުވަރީމަންޒިލް އެވެ ކިޔާ ބަންޑާރަ ގޯތީގެ ބިން ޢައްޔަންކުރެވުނު އިރު ނަގާފައިވާ 73.69 (ހަތްދިހަ ތިނެއް ޕޮއިންޓް ހައެއް ނުވައެއް) އަކަފޫޓުގެ ގޯޅިން އިސްތިއުނާފު ރައްދުވާ ފަރާތްތަކަށް ލިބޭ މިންވަރު އެ ފަރާތްތަކުގެ ބަޔަށް އެއްކޮށް ދިނުމަށް އެ ޤަޟިއްޔާގައި ނިންމާފައިވާ ބަޔާއި، އެ ބަޔަށް ތާއީދުކޮށް ހައިކޯޓުން ނިންމާފައިވާ އެ ކޯޓުގެ ނަންބަރު2018/HC-A/115 ޤަޟިއްޔާގެ ނިންމުން ބާޠިލުކުރަންޖެހޭ ކަމުގައި އަހުރެން ދެކެމެވެ.

އަދި ސިވިލް ކޯޓުގެ ނަންބަރު 1551/Cv-C/2011 ޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތްތަކަށް އައްޔަންކޮށްދީފައިވާ ބިމުގެ ބޮޑުމިން އިސްލާހުކޮށް، އެ ފަރާތްތަކަށް މއ.ހަނދުވަރީމަންޒިލް ގޯތިން ލިބިގެންވާ ބައިގެ ބޮޑު މިނަކީ 1396.09 އަކަފޫޓު ކަމުގައި ސިވިލް ކޯޓުގެ ނަންބަރު 1832/Cv-C/2017 ޤަޟިއްޔާގައި ބަޔާންކޮށްފައި އޮތް އޮތުން އެ ގޮތުގައި އޮންނަންޖެހޭނެ ކަމުގައި ކަނޑައަޅަން ވެސް އަހުރެން ދެކެމެވެ.

އަދި ސިވިލް ކޯޓުގެ ނަންބަރު 1832/Cv-C/2017 ޤަޟިއްޔާ އެ ކޯޓުން ބަލައިގަނެ، މައްސަލަ ހިންގައި ގޮތެއް ކަނޑައެޅުމަކީ ރެސްޖުޑިކާޓާގެ އުސޫލުތަކާ ޚިލާފަށް އެ ކޯޓުން ނިންމާފައިވާ ނިންމުމެއް ނޫންކަމުގައި ކަނޑައަޅަން އަހުރެންނަށް ފެނެއެވެ.

ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންގެ ރައުޔު

މި މައްސަލައިގައި ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްގެ ރައުޔު

މި މައްސަލައިގައި ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

ޙުކުމް

ދެންފަހެ، މަތީގައި ބަޔާން ކުރެވުނު ސަބަބުތައް އެހެން ހުރުމުން؛

ސިވިލް ކޯޓުގެ ނަންބަރު 1832/Cv-C/2017 ޤަޟިއްޔާގައި މއ. ހަނދުވަރީމަންޒިލްއެވެ ކިޔާ ބަންޑާރަ ގޯތީގެ ބިން ޢައްޔަންކުރެވުނު އިރު ނަގާފައިވާ 73.69 (ހަތްދިހަ ތިނެއް ޕޮއިންޓް ހައެއް ނުވައެއް) އަކަފޫޓުގެ ގޯޅިން އިސްތިއުނާފު ރައްދުވާ ފަރާތްތަކަށް ލިބޭ މިންވަރު އެ ފަރާތްތަކުގެ ބަޔަށް އެއްކޮށް ދިނުމަށް އެ ޤަޟިއްޔާގައި ނިންމާފައިވާ ބަޔާއި، އެ ބަޔަށް ތާއީދުކޮށް ހައިކޯޓުން ނިންމާފައިވާ އެ ކޯޓުގެ ނަންބަރު 2018/HC-A/115 ޤަޟިއްޔާގެ ނިންމުމަކީ ޤާނޫނީ އުސޫލުތަކާ ޚިލާފު ނިންމުމެއްކަމަށް މި މައްސަލަ ބެލި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅަމެވެ.

އަދި ސިވިލް ކޯޓުގެ ނަންބަރު 1551/Cv-C/2011 ޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތްތަކަށް އައްޔަން ކޮށްދީފައިވާ ބިމުގެ ބޮޑުމިން އިސްލާހުކޮށް، އެ ފަރާތްތަކަށް މއ.ހަނދުވަރީމަންޒިލް ގޯތިން ލިބިގެންވާ ބައިގެ ބޮޑު މިނަކީ 1396.09 (އެއްހާސް ތިންސަތޭކަ ނުވަދިހަހައެއް ޕޮއިންޓް ސުމެއް ނުވައެއް) އަކަފޫޓު ކަމުގައި ސިވިލް ކޯޓުގެ ނަންބަރު1832/Cv-C/2017 ޤަޟިއްޔާގައި ބަޔާންކޮށްފައި އޮތް އޮތުން އެ ގޮތުގައި ދެމިއޮންނާނެ ކަމުގައި މި މައްސަލަ ބެލި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅަމެވެ.

އަދި ސިވިލް ކޯޓުގެ ނަންބަރު 1832/Cv-C/2017 ޤަޟިއްޔާ އެ ކޯޓުން ބަލައިގަނެ، މައްސަލަ ހިންގައި ގޮތެއް ކަނޑައެޅުމަކީ ރެސްޖުޑިކާޓާގެ އުސޫލުތަކާ ޚިލާފަށް އެ ކޯޓުން ނިންމާފައިވާ ނިންމުމެއް ނޫން ކަމުގައި މި މައްސަލަ ބެލި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅަމެވެ.

މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ:

ޢަލީ ރަޝީދު ޙުސައިންމަޙާޒު ޢަލީ ޒާހިރުމުޙައްމަދު އިބްރާހީމް(ރިޔާސަތު)

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ޝެއަރ ކުރައްވާ