މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑް ވ. ޙަސަން ސިނާނު
ޚުލާޞާ
ޚުލާޞާ ނެތް.
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- —
- ފަހުގެ ތާރީޚު
- —
ނިންމުން
—
ކޯ ޓާމްސް
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
މި ލިޔުމުން އުޞޫލެއް ނުނެގުނު.
ފަނޑިޔާރުން
- ބެންޗު
- —
- ޚިލާފު ރައުޔު
- ނެތް
ޝަރީޢަތުގެ ވީޑިއޯ
ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.
މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑް ވ. ޙަސަން ސިނާނު
ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުގެ ރައުޔު (ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދު އަދި ފަނޑިޔާރު ޙުސްނުއްސުޢޫދު ތާއީދު ކުރައްވާފައި)
ކަން ހިނގާފައިވާ ގޮތް
ޙަސަން ސިނާނު އަކީ މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑް (ރަޖިސްޓްރީ ނަންބަރުC-0631/2013 ) (މީގެ ފަހުން ޙައްޖު ކޯޕަރޭޝަން) ގައި ވަޒީފާ އަދާކުރަމުން ދިޔަ މީހެކެވެ. އަދާކުރަމުން ދިޔައީ އެ ކުންފުނީގެ ހެޑް އޮފް މަރކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސްގެ މަޤާމެވެ. އެ މަޤާމުން އޭނާ ވަކިކޮށްފައިވަނީ 17 އޭޕްރިލް 2018 ގައެވެ. ވަކި ކުރި ސަބަބަކީ ޙައްޖު ކޯޕަރޭޝަނަށް ރިޑަންޑަންސީގެ ހާލަތެއް މެދުވެރިވެ ޙަސަން ސިނާން އެ ކުންފުނީގައި ވަޒީފާ އަދާކުރަމުންދިޔަ މަޤާމު އުވުން ކަމުގައި އެ ކުންފުނިން ބުނެ އެވެ.
ޙަސަން ސިނާނު ވަޒީފާއިން ވަކިކުރި ކުރުމާމެދު ހިތްހަމަ ނުޖެހިގެން އޭނާ ޙައްޖު ކޯޕަރޭޝަނާ ދެކޮޅަށް މައްސަލައެއް ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅި އެވެ. އެ މައްސަލަ ޓްރައިބިއުނަލުން ނިންމީ އޭނާއާ އެއްކޮޅަށެވެ. ޓްރައިބިއުނަލުން މައްސަލަ ނިންމާފައިވަނީ 07 ނޮވެމްބަރ 2019 ގައެވެ.
ޓްރައިބިއުނަލްގެ ނިންމުމާމެދު ހިތްހަމަ ނުޖެހިގެން އެ މައްސަލަ ޙައްޖު ކޯޕަރޭޝަންގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރިއެވެ. އިސްތިއުނާފު ކުރުމަށްޓަކައި ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ފޯމު ހުށަހަޅާފައިވަނީ 01 ޑިސެމްބަރ 2019 ގައެވެ.
ހައިކޯޓުން އިސްތިއުނާފު ބަލައިގަނެ މައްސަލައިގެ ޖަވާބު ހުށަހެޅުމަށް އެންގުމުން ޙަސަން ސިނާނުގެ ފަރާތުން މައުޟޫޢީ ގޮތުން ޖަވާބުދާރީ ވުމުގެ ބަދަލުގައި، މި މައްސަލަ އެ ކޯޓުގައި އިސްތިއުނާފު ކޮށްފައިވަނީ އިސްތިއުނާފުގެ މުއްދަތު ފަހަނައަޅައި ދިޔަ ފަހުންކަން ފާހަގަކޮށް މި މައްސަލައަކީ އެ ކޯޓުގައި ކުރިއަށް ގެންދެވޭނެ މައްސަލައެއް ނޫންކަމުގައި ބުނެ އިޢުތިރާޟެއް ހުށަހެޅި އެވެ. އެ އިޢުތިރާޟަށް ޙައްޖު ކޯޕަރޭޝަންގެ ފަރާތުން ލިޔުމުން ރައްދުދީފައި ވެސް ވެއެވެ.
މި އިސްތިއުނާފާ ގުޅިގެން ހައިކޯޓުގައި ބޭއްވުނު އަޑުއެހުމުގައި އިސްތިއުނާފީ ނުކުތާތައް ހުށަހަޅައި އެ ނުކުތާތަކަށް ޖަވާބުދާރީ ވުމަށް ޝަރީޢަތުން ދިން ފުރުސަތުގައި ޙަސަން ސިނާނުގެ ފަރާތުން ލިޔުމުން ހުށަހެޅި އިޖުރާއީ އިޢުތިރާޟު ތަކުރާރުކޮށް، މި މައްސަލައަކީ އެ ކޯޓުން ބެލޭނެ މައްސަލައެއް ނޫންކަމުގައި ބުނެފައި ވެއެވެ. މި އިޢުތިރާޟާ މެދު ވާހަކަ ދެއްކުމަށް ހައިކޯޓުން ޙައްޖު ކޯޕަރޭޝަނަށް ފުރުސަތު ދީފައި ވެއެވެ.
ދެ ފަރާތުގެ ހުށަހެޅުންތައް އަޑުއެހުމަށްފަހު، މި މައްސަލަ އިސްތިއުނާފަށް ހުށަހެޅުމުގެ އެންމެ ފަހުގެ ތާރީޚަކީ 25 ނޮވެމްބަރ 2019 ގައި ކަން ފާހަގަ ކޮށް، ޙައްޖު ކޯޕަރޭޝަނުން މި މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިވަނީ، އިސްތިއުނާފުގެ މުއްދަތު ހަމަވި ފަހުން ކަމުގައިވާތީ، މި މައްސަލައަކީ އެ ކޯޓުން ކުރިއަށް ގެންދެވޭނެ މައްސަލައެއް ނޫންކަމުގައި މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ނިންމާފައި ވެއެވެ.
މިއީ ހައިކޯޓުގެ އެ ނިންމުން ޙައްޖު ކޯޕަރޭޝަންގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުން، އެ މައްސަލަ ބަލައި ނިންމުމަށް އަހުރެންނަށް ފެންނަ ގޮތެވެ.
ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރި ނުކުތާ
ހައިކޯޓުގެ ނިންމުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރަމުން ޙައްޖު ކޯޕަރޭޝަންގެ ފަރާތުން ފާހަގަ ކުރި ނުކުތާ ގައި، ޓްރައިބިއުނަލްގެ ނިންމުން އިސްތިއުނާފުގެ މުއްދަތު ހަމަވުމުގެ ކުރިން ހައިކޯޓުގައި އިސްތިއުނާފު ކުރެވިފައި ނުވަނީ، ޓްރައިބިއުނަލުން މައްސަލަ ނިންމި ގޮތުގެ ރިޕޯޓު އެ ކުންފުންޏަށް ލިބުން ލަސްވުމުގެ ސަބަބުން ކަމުގައި ބުނެއެވެ. އަދި ޓްރައިބިއުނަލްގެ މައްސަލަ ނިންމި ގޮތުގެ ރިޕޯޓު އެ ކުންފުންޏަށް ލިބުނުތާ 10 (ދިހައެއް) ދުވަސް ހަމަ ވުމުގެ ކުރިން ޓްރައިބިއުނަލްގެ ނިންމުން ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިވާނެ ކަމުގައިވެސް ބުނެއެވެ.
އިސްތިއުނާފީ ނުކުތާ އިތުރަށް ތަފުސީލު ކުރަމުން ސުޕްރީމް ކޯޓުން ނިންމާފައިވާ ދިވެހި ދައުލަތް (މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން) ވ. ދީބާޖާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް މައްސަލައަށް ބަލާއިރު، މައްސަލަ ނިމުނު ގޮތުގެ ރިޕޯޓު ނުލިބި ލަސްވުމަކީ އިސްތިއުނާފުގެ މުއްދަތުގައި އިސްތިއުނާފު ނުކުރެވިދާނެ އަމިއްލަ ބާރު ނުފޯރާ މަޤުބޫލު ސަބަބެއް ކަމުގައި ބަޔާން ކޮށްފައިވާ ކަމުގައްޔާއި، އަދި އެ ހާލަތުގައި އިސްތިއުނާފުގެ މުއްދަތު ގުނަން ފެށޭނީ، ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓު ލިބޭ ދުވަހުން ފެށިގެން ކަމުގައި ފާހަގަ ކޮށްފައި ވެއެވެ. ކަންމިހެން އޮތް ނަމަވެސް، ހައިކޯޓުގެ ނިންމުމުގެ ސަބަބުން އެ ކުންފުންޏަށް ލިބިގެންވާ އިސްތިއުނާފު ކުރުމުގެ ޙައްޤު ގެއްލިފައިވާ ކަމަށާއި، ހައިކޯޓުގެ ނިންމުން ކޯޓުތަކުގެ ޤާނޫނުގެ 42 ވަނަ މާއްދާގެ (ރ) އާ ޚިލާފު ކަމުގައި އެ ކުންފުނީގެ ފަރާތުން ދެކޭކަން ފާހަގަ ކޮށްފައި ވެއެވެ. އަދި އެ ނިންމުމަކީ މަތީ މަރުޙަލާގެ ކޯޓުތަކުގެ ނިންމުމަށް ދަށު މަރުޙަލާގެ ކޯޓުތަކުން ތަބާވާންޖެހޭ ކަމެއް ކަމުގައި ފަނޑިޔާރުންގެ ޤާނޫނުގެ 05 ވަނަ މާއްދާގެ (ށ) ގެ 02 ވަނަ ނަންބަރުގައި އޮންނަ އުސޫލާ ވެސް ޚިލާފު ނިންމުމެއް ކަމުގައި އެ ކުންފުނީގެ ފަރާތުން ފާހަގަ ކޮށްފައިވެއެވެ.
ޙަސަން ސިނާނުގެ ފަރާތުން ދީފައިވާ ރައްދު
ޙައްޖު ކޯޕަރޭޝަންގެ އިސްތިއުނާފީ ނުކުތާއާ ގުޅިގެން ޖުމުލަ ގޮތެއްގައި ޙަސަން ސިނާނުގެ ފަރާތުން ފާހަގަ ކޮށްފައި ވަނީ، މި މައްސަލަ ހައިކޯޓުގައި ޙައްޖު ކޯޕަރޭޝަނުން އިސްތިއުނާފު ކޮށްފައިވަނީ އިސްތިއުނާފުގެ މުއްދަތު ފާއިތުވި ފަހުން ކަމާމެދު ދެބަސްވުމެއް ނެތްކަމުގަ އެވެ. އަދި މި ހާލަތުގައި ހައިކޯޓުން މައްސަލަ ބަލައިގަނެ ކުރިއަށް ގެންދެވޭނީ ހައިކޯޓުގެ ގަވާއިދުގައި ބުނާފަދަ އިސްތިއުނާފުގެ މުއްދަތުގައި އިސްތިއުނާފު ކުރުމަށް ހުރަސް އެޅުނު އަމިއްލަ ބާރު ނުފޯރާ މަޤުބޫލު ސަބަބެއް އޮވެގެން ކަމުގައެވެ. ނަމަވެސް އެ ފަދަ އެއްވެސް ސަބަބެއް އެ ކުންފުނީގެ ފަރާތުން ހައިކޯޓަށް ހުށަހަޅާފައި ނުވާކަމުގަ އެވެ. އަދި ޓްރައިބިއުނަލުން މައްސަލަ ނިންމުމުން އެ ނިންމުން އެ ކުންފުނީގެ ފަރާތުން އިސްތިއުނާފު ކުރުމަށް ބޭނުންވާ ކަމުގެ ނިޔަތެއް ވެސް އެ ކުންފުނިން ފާޅު ކޮށްފައިވާ ކަން އެނގެން ނެތްކަމުގައި ޙަސަން ސިނާނުގެ ފަރާތުން ފާހަގަ ކޮށްފައި ވެއެވެ.
ގޮތެއް ކަނޑައަޅަންޖެހޭ ނުކުތާ
މައްސަލައިގެ ދެ ފަރާތުގެ ވާހަކަތަކަށް ބަލާއިރު، މި މައްސަލައިގައި ޝަރީޢަތުން ގޮތެއް ނިންމަންޖެހޭ ނުކުތާއަކީ، އިސްތިއުނާފުގެ މުއްދަތު ފަހަނައަޅައި ދިޔަފަހުން މި މައްސަލަ ޙައްޖު ކޯޕަރޭޝަންގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިވަނީ އެ ކުންފުންޏަށް އަމިއްލަ ބާރު ނުފޯރާފަދަ މަޤުބޫލު ސަބަބެއް ކުރިމަތި ވެގެން ކަން ނުވަތަ ނޫންކަމާމެދުގަ އެވެ. މިކަމާމެދު ގޮތެއް ކަނޑައެޅުމުގައި އިސްތިއުނާފުގެ މުއްދަތު ގުނަން ފަށާނީ ދަށު ކޯޓުން ނުވަތަ ޓްރައިބިއުނަލުން މައްސަލަ ނިންމާ ތާރީޚުން ފެށިގެން ކަމާމެދު ޙައްޖު ކޯޕަރޭޝަންގެ ފަރާތުން ބުނާ ބުނުމަށް އަލިއަޅުވާލަން ގަސްދު ކުރަމެވެ.
އިސްތިއުނާފުގެ މުއްދަތު
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2015/SC-RU/01 ރޫލިންގ އާއި، ސުޕްރީމް ކޯޓުގެ ނަންބަރު 2015/SC/06 ސަރކިއުލަރ އަށް ބަލާއިރު، ފުރަތަމަ މަރުޙަލާގެ ކޯޓު ތަކުންނާއި، ޓްރައިބިއުނަލް ތަކުން ކުރާ ޙުކުމްތަކާއި ނިންމާ ނިންމުންތައް އިސްތިއުނާފު ކުރަންޖެހޭ މުއްދަތަކީ 10 (ދިހައެއް) ދުވަހެވެ. ކޯޓުތަކުގެ ޤާނޫނުގެ 42 ވަނަ މާއްދާގެ (ރ) ގައި އާއި، ހައިކޯޓުގެ ގަވާއިދުގެ 29 ވަނަ މާއްދާގެ (ނ) ގައި މި މުއްދަތަށް އިސްތިސްނާއެއް ދީފައި ވެއެވެ. އެއީ އަމިއްލަ ބާރު ނުފޯރާފަދަ މަޤުބޫލު ސަބަބެއް މެދުވެރި ވުމެވެ.
އަމިއްލަ ބާރު ނުފޯރާ ފަދަ މަޤުބޫލު ސަބަބެއް މެދުވެރި ވެގެން އިސްތިއުނާފުގެ މުއްދަތު ހަމަވުމަށްފަހު، އިސްތިއުނާފީ ހުށަހެޅުމެއް ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅައިފި ނަމަ، އެ އިސްތިއުނާފު ޤަބޫލު ކުރުމުގެ އިޚްތިޔާރު ހައިކޯޓުގެ ގަވާއިދުން ދީފައިވަނީ އެ ކޯޓުގެ ފަނޑިޔާރުންނަށެވެ. އަދި މިފަދަ ސަބަބެއް މެދުވެރިވިކަން ސާބިތު ކޮށްދިނުމުގެ ބުރަ އުފުލަންޖެހެނީ މިފަދަ ސަބަބެއް އޮތްކަމަށް ބުނާ ފަރާތުންކަން ވެސް މި ގަވާއިދަށް ބެލުމުން އެނގެ އެވެ.
އަމިއްލަ ބާރު ނުފޯރާފަދަ މަޤުބޫލު ސަބަބުތައް
އިސްތިއުނާފު ކުރުމަށް ޤާނޫނުގައި ކަނޑައެޅިފައިވާ މުއްދަތުގައި އިސްތިއުނާފު ކުރުމަށް ހުށަނޭޅުނު ސަބަބަކީ އަމިއްލަ ބާރު ނުފޯރާފަދަ މަޤުބޫލު ސަބަބެއްކަން ނުވަތަ ނޫންކަން ބަލައި ވަޒަން ކުރުމުގައި ރިޢާޔަތް ކުރެވިދާނެ ސަބަބުތަކެއް ކުރިން ސުޕްރީމް ކޯޓުން ނިންމާފައިވާ ގިނަ މައްސަލަ ތަކެއްގައި ފާހަގަ ކޮށްފައި ވެއެވެ. މި ސަބަބުތަކުގެ ތެރޭގައި ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓު ލިބުން ލަސްވުމުގެ ސަބަބުން އިސްތިއުނާފަށް ހުށަހެޅުމުގެ ފުރުސަތު ނުލިބުން ހިމެނެ އެވެ.
އުސޫލުތައް ތަޠުބީޤު ކުރުން
އިސްތިއުނާފު ކުރެވިފައިވާ މި މައްސަލަ ޓްރައިބިއުނަލުން ނިންމުމުން، ހައިކޯޓުގައި މައްސަލަ އިސްތިއުނާފު ކޮށްފައިވަނީ 01 ޑިސެމްބަރ 2019 ގައެވެ. މައްސަލަ އިސްތިއުނާފަށް ހުށަހެޅުމުގެ އެންމެ ފަހު ތާރީޚަކީ 25 ނޮވެމްބަރ 2019 އެވެ. އިސްތިއުނާފުގެ މުއްދަތުގައި އިސްތިއުނާފު ނުކުރެވުނު ސަބަބެއް ކަމުގައި ޙައްޖު ކޯޕަރޭޝަންގެ ފަރާތުން ހައިކޯޓުގައި ފާހަގަ ކުރި ސަބަބަކީ ޓްރައިބިއުނަލުން މައްސަލަ ނިންމި ގޮތުގެ ރިޕޯޓު އެ ކުންފުންޏަށް ލިބުން ލަސްވުމެވެ. މި ރިޕޯޓު އެ ކުންފުންޏަށް ލިބިފައިވަނީ 2019 ނޮވެމްބަރ 22 ވަނަ ދުވަހުގެ ރަސްމީ ގަޑީގެ ފަހުން ކަމުގަ އެވެ. މިއީ އެ ކުންފުނީގެ ފަރާތުން 15 ފެބްރުއަރީ 2021 ގައި ބޭއްވިފައިވާ ހައިކޯޓުގެ އަޑުއެހުމުގައްޔާއި، އެ އަޑުއެހުމުގެ ކުރިން ޙަސަން ސިނާނުގެ ފަރާތުން ހުށަހަޅާފައިވާ އިޢުތިރާޟަށް ލިޔުމުން 10 މާރޗް 2020 ގައި ދީފައިވާ ޖަވާބުގައި ފާހަގަ ކޮށްފައިވާ ސަބަބެވެ.
މި ތާރީޚު ތަކަށް ބަލާއިރު، ޓްރައިބިއުނަލްގެ ރިޕޯޓު ޙައްޖު ކޯޕަރޭޝަނަށް ލިބުނު އިރު، އިސްތިއުނާފުގެ މުއްދަތު ހަމަވާން އޮތީ އެންމެ ދެތިން ދުވަހެވެ. މި ދެތިން ދުވަހުގެ ތެރޭގައި އިސްތިއުނާފު ކުރުމަށް މަސައްކަތް ކުރިކަން ނުވަތަ އެއިގެ ކުރިން ވިޔަސް، އިސްތިއުނާފު ކުރުމަށްޓަކައި ޙައްޖު ކޯޕަރޭޝަނުން މަސައްކަތެއް ކުރިކަން ނުވަތަ ނޫންކަމަށް ބަލާއިރު، އެ ފަދަ މަސައްކަތެއް ކޮށްފައިވާ ކަމުގެ ހެއްކެއް މި މައްސަލައިގެ ލިޔެ ކިޔުން ތަކުން ފެންނަން ނެތެވެ. އަދި އެފަދަ ކަމެއް ހައިކޯޓުގައި ވެސް އެ ފަރާތުން ފާހަގަ ކޮށްފައި ނުވެ އެވެ.
މި ކަންކަމާމެދު އިތުރަށް ސުވާލުކޮށް، އިސްތިއުނާފު ކުރުމުގެ ނިޔަތް ޙައްޖު ކޯޕަރޭޝަންގެ ކިބައިގައި އޮތްކަން އެނގެނީ ކިހިނަކުން ކަމާމެދު ޝަރީޢަތުން ކުރި ސުވާލުތަކުގެ ޖަވާބުގައި، މައްސަލަ ނިމުނު ގޮތުގެ ރިޕޯޓު ހޯދުމަށް ޓްރައިބިއުނަލްގައި އެދުނު ތާރީޚުން އެނގޭނެ ކަމަށާއި، މައްސަލަ ނިންމިތާ ދެ ދުވަހެއްގެ ތެރޭގައި އެ ރިޕޯޓަށް އެދުނު ކަމުގައި ޙައްޖު ކޯޕަރޭޝަންގެ ފަރާތުން ބުނެފައި ވެއެވެ. ނަމަވެސް މިކަން މި މޭރުމުން ހިނގާފައިވާ ކަމުގެ އެއްވެސް ހެއްކެއް މައްސަލައިގެ ލިޔުން ތަކުން ފެންނަން ނެތެވެ. އަދި ޓްރައިބިއުނަލްގެ ރިޕޯޓު ޙައްޖު ކޯޕަރޭޝަނަށް ލިބިފައިވަނީ 22 ނޮވެމްބަރު 2019 ގެ ރަސްމީ ގަޑީގެ ފަހުން ކަމުގައި ބުނާއިރު، އެ ދުވަހަކީ ހުކުރު ދުވަހެއް ކަން ވެސް ފާހަގަ ކުރަމެވެ.
ކަންމިހެން އޮތުމުން، އިސްތިއުނާފުގެ މުއްދަތުގައި މި މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރުމަށް ހުރަސް އެޅުނު އަމިއްލަ ބާރު ނުފޯރާ މަޤުބޫލު ސަބަބެއް ނެތްކަމަށް ހައިކޯޓުން ނިންމާފައިވާ ނިންމުން ރަނގަޅު ކަމުގައި ދެކެމެވެ. އަދި އެ ނިންމުމަކީ ޤާނޫނާ ޚިލާފަށް ނިންމާފައިވާ ނިންމުމެއް ކަމުގައި ބަލާނެ ޖާގައެއް މި ފާހަގަ ކުރި ކަންކަމުގައި އަލީގައި ނެތެވެ.
އިސްތިއުނާފުގެ މުއްދަތު ގުނަން ފަށާނެ ހިސާބު
އިސްތިއުނާފީ ނުކުތާއާމެދު ވާހަކަ ދައްކަމުން، ސުޕްރީމް ކޯޓުގެ ދިވެހި ދައުލަތް (މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން) ވ. ދީބާޖާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް މައްސަލައަށް ބަލާއިރު، މައްސަލަ ނިމުނު ގޮތުގެ ރިޕޯޓު ނުލިބި ލަސްވުމަކީ އިސްތިއުނާފުގެ މުއްދަތުގައި އިސްތިއުނާފު ނުކުރެވިދާނެ އަމިއްލަ ބާރު ނުފޯރާ މަޤުބޫލު ސަބަބެއް ކަމުގައި ބަޔާންކޮށްފައިވާ ކަމުގައި ޙައްޖު ކޯޕަރޭޝަނުން ފާހަގަ ކޮށްފައި ވެއެވެ. އަދި މި ހާލަތުގައި އިސްތިއުނާފުގެ މުއްދަތު ގުނަން ފެށޭނީ، ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓު ލިބޭ ދުވަހުން ފެށިގެން ކަމުގައި ފާހަގަ ކޮށްފައި ވެއެވެ. އަދި މި އުސޫލު މި މައްސަލައަށް ތަޠުބީޤު ކުރާ އިރު، މި މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިވަނީ އިސްތިއުނާފުގެ މުއްދަތު ހަމަވުމުގެ ކުރިން ކަމުގައި އެ ކުންފުނީގެ ފަރާތުން ފާހަގަ ކޮށްފައި ވެއެވެ.
ޙައްޖު ކޯޕަރޭޝަންގެ ފަރާތުން ފާހަގަ ކުރާ ސުޕްރީމް ކޯޓުގެ ދިވެހި ދައުލަތް (މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން) ވ. ދީބާޖާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް މައްސަލަ ސުޕްރީމް ކޯޓުން ނިންމާފައިވަނީ އިސްތިއުނާފު ކުރެވިފައިވާ މި މައްސަލައިގެ ޝަރީޢަތުގެ އަޑުއެހުންތައް ހައިކޯޓުން ނިމުމުގެ ފަހުން ނެވެ. ނަމަވެސް އެ މައްސަލަ ހައިކޯޓުން ނިންމުމުގެ ކުރިން ނެވެ.
ވާހަކަ ދެކެވޭ ދީބާޖާ މައްސަލައަށް ބަލާއިރު، އެ މައްސަލައިގައި، ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓު ޤާނޫނުގައި ބުނާ މުއްދަތުގައި ނުލިބި، އިސްތިއުނާފުގެ މުއްދަތު ފަހަނައަޅައި ދިއުމަކީ، އިސްތިއުނާފުގެ މުއްދަތުގައި އިސްތިއުނާފު ކުރުމަށް ހުރަސް އެޅިދާނެ އަމިއްލަ ބާރު ނުފޯރާ މަޤުބޫލު ސަބަބެއް ކަމުގައި ފާހަގަ ކޮށްފައި ވެއެވެ. އަދި އެ ހާލަތުގައި އިސްތިއުނާފުގެ މުއްދަތު ގުނަންވާނީ މައްސަލަ ނިމުނު ގޮތުގެ ރިޕޯޓު ދޫކުރުމުން ކަމުގައި ވެސް ބަޔާން ކޮށްފައި ވެއެވެ.
ދީބާޖާ މައްސަލައިގައި "އިސްތިއުނާފުގެ މުއްދަތު ގުނަންވާނީ މައްސަލަ ނިމުނު ގޮތުގެ ރިޕޯޓު ދޫކުރުމުން ކަމުގައި" ބަޔާން ކުރެވިފައި އެ ވަނީ އިސްތިއުނާފުގެ މުއްދަތު ފެށޭ ހިސާބު، ނުވަތަ ފެށޭ ޕޮއިންޓް ފާހަގަ ކުރުން ނޫންކަމުގައްޔާއި، އެ ޖުމުލަ އެ މައްސަލައިގައި ބޭނުން ކުރެވިފައި އެވަނީ، އަމިއްލަ ބާރު ނުފޯރާ ސަބަބުތަކަކީ ކޮބައިކަމާއި، އެ ސަބަބުތަކާ ގުޅޭ އުސޫލުތައް ބަޔާން ކޮށްދިނުމުގެ ތެރޭގައިކަން އަހުރެން މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ ވ. މައިނަރ އިންޓަރނޭޝަނަލް (ލަބުއާން) ލިމިޓެޑް މައްސަލައިގައްޔާއި، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ ވ. ދިވެހިރާއްޖޭގެ ގުޅުން ޕަބްލިކް ލިމިޓެޑް މައްސަލައިގައި ތަފުސީލުކޮށް ބަޔާން ކޮށްފައި ވާނެ އެވެ. އަދި މި ދެ މައްސަލައިގައިމެ، އިސްތިއުނާފުގެ މުއްދަތު ފެށޭނެ ހިސާބަކީ ނުވަތަ ޕޮއިންޓަކީ ޤާނޫނުގައި ކަނޑައެޅިފައިވާ ހިސާބެއް ނުވަތަ ޕޮއިންޓެއް ކަމުގައި ވެސް އެ ދެ މައްސަލައިގައި އަހުރެން ބަޔާން ކޮށްފައި ވާނެ އެވެ. މި ތަނުގައި ޤާނޫނު ކަމުގައި ބުނެފައި އެވަނީ، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނާއި، އިސްތިއުނާފު ކުރުމުގެ މުއްދަތު ފެށޭނެ ހިސާބު ބަޔާން ކޮށްފައިވާ އެހެނިހެން ޤާނޫނު ތަކަށެވެ.
ކަންމިހެން އޮތުމުން، ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓު ނުވަތަ މައްސަލަ ނިމުނު ގޮތުގެ ރިޕޯޓު ލިބުން ލަސްވުމުގެ ސަބަބުން މައްސަލައެއް އިސްތިއުނާފު ނުކުރެވޭ ހާލަތުގައި، އިސްތިއުނާފުގެ މުއްދަތު ގުނަން ފަށަންވާނީ، އެ ރިޕޯޓު ލިބޭ ތާރީޚުން ފެށިގެން ކަމުގައި ޙައްޖު ކޯޕަރޭޝަންގެ ފަރާތުން ސުޕްރީމް ކޯޓުގެ ދިވެހި ދައުލަތް (މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން) ވ. ދީބާޖާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް މައްސަލައާ ޙަވާލާދީ ބުނާ ބުނުމަކީ، އެ މައްސަލައިގައި ސުޕްރީމް ކޯޓުން ނިންމާފައިވާ ނިންމުމުގެ ރަނގަޅު ޤާނޫނީ ދޭހަ ކުރުމެއް ކަމުގައި ނުދެކެ މެވެ. އަދި އެ ދޭހަ ކުރުމުގެ މައްޗަށް ބިނާކޮށް ހައިކޯޓުގެ ނިންމުން ޤާނޫނާ ޚިލާފު ކަމުގައި ބަލާނެ ޖާގައެއް މި މައްސަލައިގައި ނެތެވެ.
މައްސަލަ ނިންމަން ފެންނަ ގޮތް
މަތީގައި މި ބަޔާންކުރި ސަބަބުތަކުގެ އަލީގައި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު2020/HC-A/03 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމަށް ބަދަލު ގެންނަންޖެހޭ ތަނެއް ނެތްކަމުގައި ކަނޑައަޅައި މި މައްސަލަ ނިންމަން އަހުރެންނަށް ފެނެއެވެ.
ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔު
މި މައްސަލައިގައި ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރައުޔު
މި މައްސަލައިގައި ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ޙުކުމް
ދެންފަހެ، އިސްވެ ބަޔާންކުރި ކަންކަން އެ ގޮތުގެ މަތިން ހުރުމުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު2020/HC-A/03 ޤަޟިއްޔާ އިން ކޮށްފައިވާ ޙުކުމަށް ބަދަލު ގެންނަންޖެހޭ ތަނެއް ނެތްކަމުގައި މި މައްސަލަ ބެލި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި ޙުކުމް ކޮށްފީމެވެ.
މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ:ޢާއިޝާ ޝުޖޫން މުޙައްމަދުމަޙާޒު ޢަލީ ޒާހިރުޙުސްނުއްސުޢޫދު(ރިޔާސަތު)
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.