ދިވެހިރާއްޖޭގެ މަތީ މަރުޙަލާގެ ކޯޓުތަކުން ކަނޑައަޅާފައިވާ ޤާނޫނީ އުޞޫލުތައް

Maldives Legal Precedents

Saeed Lex
[2022] SC 50 · 2021/SC-A/14ސުޕްރީމް ކޯޓު · 29 އޮގަސްޓް 2022

މުޙައްމަދު އިބްރާހީމް ދީދީ ވ. ޢަލީ ރަޝީދު

ސުޕްރީމް ކޯޓު
ފަހުގެ ޙުކުމެއްގައި ޙަވާލާދީފައެއް ނުފެނޭޙުކުމުގެ ހާލަތު
ސުޕްރީމް ކޯޓު · 29 އޮގަސްޓް 2022ބާވަތް: މަދަނީ

ޚުލާޞާ

ޚުލާޞާ ނެތް.

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
—
ފަހުގެ ތާރީޚު
—

ނިންމުން

—

ކޯ ޓާމްސް

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

މި ލިޔުމުން އުޞޫލެއް ނުނެގުނު.

ފަނޑިޔާރުން

ބެންޗު
—
ޚިލާފު ރައުޔު
ނެތް

ޝަރީޢަތުގެ ވީޑިއޯ

ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.

މުޙައްމަދު އިބްރާހީމް ދީދީ ވ. ޢަލީ ރަޝީދު

ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ ރައުޔު (ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރު އަދި ފަނޑިޔާރު ޙުސްނުއްސުޢޫދު ތާއީދު ކުރައްވާފައި)

ތަޢާރުފު

މިއީ ގ. ވޭލާވިލާ، މުޙައްމަދު އިބްރާހީމް ދީދީ ގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ގ. ވޭލާވިލާ (ކުރީގެ ގ. ގެލީނާ) އެވެ ކިޔާ ޢިމާރާތް، މުޙައްމަދު އިބްރާހީމް ދީދީގެ ނުރުހުމުގައި ސ. ހުޅުދޫ، ޖަވާހިރުވިލާ، ޢަލީ ރަޝީދު ބޭނުން ކުރަމުންދާކަމަށް ބުނެ މި ދެފަރާތު ދެމެދު އުފެދިފައިވާ ޚުޞޫމާތާ ގުޅޭ މައްސަލައެކެވެ.

މުޙައްމަދު އިބްރާހީމް ދީދީގެ ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ މ. ވޭލާވިލާ، އަޒްމިރަލްދާ ސަލީމްގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ގ. ގެލީނާއާ ލާޖެއްސުނެވެ. މި މުޢާމަލާތް ހިނގިއިރު، ގ. ގެލީނާގެ މަޖީދީމަގާ ވީފަރާތަށް އޮތް ބައިގައި "ސަންޓާނާ" ނަމަކަށް ކިޔާ ފިހާރަ (މީގެ ފަހުން "ސަންޓާނާ ފިހާރަ") ހިންގުމަށްޓަކައި އެތަން އަޒްމިރަލްދާ ސަލީމް، ޢަލީ ރަޝީދުއަށް ކުއްޔަށްދީފައިވެއެވެ.

މި މައްސަލައިގައި ޚުސޫމާތް އުފެދުނީ، އަޒްމިރަލްދާ ސަލީމްއާއި ޢަލީ ރަޝީދުއާ ދެމެދު އޮތް ކުލީގެ އެއްބަސްވުން ނިމުމަކަށް އައުމުގެ ކުރިން ގ. ގެލީނާގެ ވެރިފަރާތް މުޙައްމަދު އިބްރާހީމް ދީދީގެ ނަންމައްޗަށް ބަދަލުވެ، ފަހުން އެ ޢިމާރާތުގެ ނަން ގ. ވޭލާވިލާއަށް ބަދަލުވެ، ޢަލީ ރަޝީދު އެތަނަށް ދައްކަންޖެހޭ ކުލީގެ ޢަދަދު ބޮޑުކުރުމުންނެވެ.

އަޒްމިރަލްދާ ސަލީމްއާއި ޢަލީ ރަޝީދުއާ ދެމެދު އޮތް ކުލީގެ އެއްބަސްވުން ނިމުމަކަށް އައުމުގެ ކުރިން، އެތަނަށް ބޮޑު ކުއްޔެއް ދެއްކުމަށް ޢަލީ ރަޝީދު އިންކާރުކުރުމުން، މުޙައްމަދު އިބްރާހީމް ދީދީ ސިވިލް ކޯޓަށް މައްސަލައެއް ހުށަހެޅިއެވެ.

ސިވިލް ކޯޓުގެ ނަންބަރު 587/Cv-C/2019 ގަޒިއްޔާގައި މުޙައްމަދު އިބްރާހީމް ދީދީ ހުށަހެޅި މައްސަލައަކީ، ޢަލީ ރަޝީދު ގ. ވޭލާވިލާ (ކުރީގެ ގ. ގެލީނާ) އެވެ ކިޔާ ޢިމާރާތް ބޭނުންކުރުމަށް މުޙައްމަދު އިބްރާހީމް ދީދީ ހުށަހަޅާފައިވާ ކުލި އަދާކުރުމަށް އިންކާރުކޮށް، ޢަލީ ރަޝީދު އެ ތަން ބޭންކުރަމުންދާތީ، ޢިމާރާތް ހުސްކޮށް މުޙައްމަދު އިބްރާހީމް ދީދީއާ ތަން ހަވާލުކުރުމަށާއި، ތަން ޙަވާލުކުރުމާއި ހަމައަށް ކުލީގެ ގޮތުގައި މަހަކު 75,000/-ރ. (ހަތްދިހަ ފަސްހާސް ރުފިޔާ) ގެ މަގުން ކުލި ހޯދުމަށާއި، އަދި މި މައްސަލަ މުޙައްމަދު އިބްރާހީމް ދީދީ ކޯޓަށް ހުށަހަޅަންޖެހުމުގެ ސަބަބުން ޚަރަދުކުރަންޖެހުނު، ޤާނޫނީ މަސައްކަތުގެ އުޖޫރަ ޢަލީ ރަޝީދުގެ ކިބައިން ހޯދައިދިނުމަށް އެދި ހުށަހެޅި މައްސަލައެކެވެ. އެ ގަޒިއްޔާގައި ޙުކުމްކުރީ މުޙައްމަދު އިބްރާހީމް ދީދީގެ ނުރުހުމުގައި އެތަން ބޭނުންކުރުމުގެ ޙައްޤު ޢަލީ ރަޝީދުއަށް ލިބިގެންނުވާކަމަށެވެ.

ސިވިލް ކޯޓުގެ ނަންބަރު 587/Cv-C/2019 ގަޒިއްޔާ ޢަލީ ރަޝީދުގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފުކުރިއެވެ. އަދި ހައިކޯޓުގެ ނަންބަރު 2019/HC-A/399 ގަޒިއްޔާގައި ޙުކުމްކޮށްފައިވަނީ ސިވިލް ކޯޓުގެ ޙުކުމް ބާޠިލުކޮށެވެ.

މިއީ ބުނެވުނު ހައިކޯޓުގެ ނަންބަރު 2019/HC-A/399 ގަޒިއްޔާ އިސްތިއުނާފުކުރުމަށް މުޙައްމަދު އިބްރާހީމް ދީދީގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅުމުން، ސުޕްރީމް ކޯޓުން ބެލި މައްސަލައެވެ.

މައްސަލައިގައި ކަންހިނގާދިޔަ ގޮތް

ގ. ގެލީނާ އެވެ ކިޔާ ގޯތި ތެރޭގައި މަޖީދީމަގަށް ދޮރުކަނޑައި ފަހަތުން ބައެއް ދެބުރިއަށް ޢިމާރާތްކޮށް ހަދާފައިވާ ސަންޓާނާ ފިހާރަ 01 ޖެނުއަރީ 2012 އިން ފެށިގެން 31 ޑިސެންބަރު 2021 ގެ ނިޔަލަށް ކުއްޔަށް ދިނުމަށްޓަކައި ޢަލީ ރަޝީދުއާ ގޭގެ އޭރުގެ ވެރިފަރާތް ކަމުގައިވާ އަޒްމިރަލްދާ ސަލީމްއާ ދެމެދު 18 ޑިސެންބަރު 2011 ގައި އެއްބަސްވުމެއްގައި ސޮއިކުރިއެވެ.

މި އެއްބަސްވުމުގެ ދަށުން ޢިމާރާތް ކުއްޔަށް ދިން މުއްދަތަކީ 01 ޖެނުއަރީ 2012 އިން ފެށިގެން 31 ޑިސެންބަރު 2021 ގެ ނިޔަލަށް މީލާދީ 10 (ދިހައެއް) އަހަރު ދުވަހުގެ މުއްދަތަށެވެ. ޢިމާރާތުގެ ކުއްޔަކީ މަހަކު 25,000/-ރ. (ފަންސަވީސް ހާސް ރުފިޔާ) އެވެ. އެއްބަސްވުމުގައި ސޮއިކުރިއިރު އެޑްވާންސްގެ ގޮތުގައި 1,512,000/-ރ. (އެއް މިލިޔަން ފަސްލައްކަ ބާރަހާސް ރުފިޔާ) ޢަލީ ރަޝީދު ދީފައިވެއެވެ. މި ފައިސާ ދީފައިވަނީ އެއްބަސްވުމުގެ މުއްދަތުގެ ތެރެއިން 01 ޖެނުއަރީ 2012 އިން ފެށިގެން 31 ޑިސެންބަރު 2018 ގެ ނިޔަލަށް ދައްކަންޖެހޭ 25,000/-ރ. (ފަންސަވީސްހާސް ރުފިޔާ) ގެ މަހު ކުލިން 18,000/-ރ. (އަށާރަހާސް ރުފިޔާ) އުނިވާގޮތަށެވެ. އެހެންކަމުން 01 ޖެނުއަރީ 2012 އާ 31 ޑިސެންބަރު 2018 އާ ދެމެދު ޢަލީ ރަޝީދު އަޒްމިރަލްދާ ސަލީމްއަށް ކުލީގެ ގޮތުގައި ދައްކަން އޮތީ ކޮންމެ މަހަކު 7,000/-ރ. (ހަތްހާސް ރުފިޔާ) އެވެ. އަދި 01 ޖެނުއަރީ 2019 އިން ފެށިގެން 31 ޑިސެންބަރު 2021 ގެ ނިޔަލަށް ކޮންމެ މަހަކު 25,000/-ރ. (ފަންސަވީސްހާސް ރުފިޔާ) އެވެ.

ކުއްޔަށް ދިނުމުގެ އެއްބަސްވުމުގެ ދަށުން ޢަލީ ރަޝީދު ސަންޓާނާ ފިހާރަ ބޭނުން ކުރަމުން ދަނިކޮށް، ގ.ގެލީނާ އެވެ ކިޔާ ބަންޑާރަ ގޯއްޗާއި މުޙައްމަދު އިބްރާހީމް ދީދީގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ މ. ވޭލާވިލާ ޝަރީޢަތް މެދުވެރިކޮށް ލާޖެއްސުމަށް އެދި، އަޒްމިރަލްދާ ސަލީމް 26 ފެބްރުއަރީ 2018 ގައި ސިވިލް ކޯޓަށް ހުށަހެޅިއެވެ. އެ މައްސަލަ ބެލީ ސިވިލް ކޯޓުގެ ނަންބަރު 881/Cv-C/2018 ގަޒިއްޔާއިންނެވެ.

(ހ) ސިވިލް ކޯޓުގެ ނަންބަރު 881/Cv-C/2018 ގަޒިއްޔާ

ސިވިލް ކޯޓުގެ ނަންބަރު 881/Cv-C/2018 ގަޒިއްޔާގައި ގ. ގެލީނާ އެވެ ކިޔާ ބަންޑާރަ ގޯއްޗާއި އެ ގޯތީގައިވާ ޢިމާރާތްތަކާއި ނުއުފުލޭ މުދަލާއި، މ. ވޭލާވިލާ އެވެ ކިޔާ އަމިއްލަ ގޯއްޗާއި އެ ގޯތީގައިވާ ޢިމާރާތްތަކާއި ނުއުފުލޭ މުދާ މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ނަންބަރު 138-LBSI/144/2018/134 (29 މާރޗް 2018( ސިޓީއާ އެކުގައިވާ ޗާޓުގައިވާގޮތަށް އަގުކުރުމެއް އުނި އިތުރު ހަމަޖެއްސުމެއް ނެތި، ލާ ޖައްސައި، މި ލާޖެއްސުން ޞައްޙަކަމަށް ކަނޑައަޅައި 23 އެޕްރީލް 2018 ގައި ޙުކުމްކުރި އެވެ.

އަދި މިގޮތުގެ މައްޗަށް ގ. ގެލީނާ، މުޙައްމަދު އިބްރާހީމް ދީދީއަށް، އަދި މ. ވޭލާވިލާ އަޒްމިރަލްދާ ސަލީމްއަށް ލިބި މިލްކުވެގެންވާކަމަށް އެ ގަޒިއްޔާގައި ޙުކުމްކުރިއެވެ. މި ޙުކުމާއި ގުޅިގެން ގ. ގެލީނާގެ ނަން ގ. ވޭލާވިލާއަށް ބަދަލުކޮށްފައިވެއެވެ. އަދި އަޒްމިރަލްދާ ސަލީމްގެ ނަމުގައި އާ ރަޖިސްޓްރީއެއް ހަދާފައިވެއެވެ.

(ށ) ޢިމާރާތް ހުސްކުރަން އެންގުން

23 އެޕްރީލް 2018 ގައި ސިވިލް ކޯޓުން ލާ ޖެއްސުމުގެ މައްސަލަ ނިމުނުތާ ގާތްގަނޑަކަށް ދެ މަސް ފަހުން 10 ޖުލައި 2018 ގައި މުޙައްމަދު އިބްރާހީމް ދީދީގެ ފަރާތުން ޢަލީ ރަޝީދުއަށް ސިޓީއެއް ފޮނުވިއެވެ. އެ ސިޓީގައި ގ. ވޭލާވިލާ (ކުރީގެ ގ. ގެލީނާ) ކުއްޔަށް ދިނުމާގުޅޭގޮތުން ޢަލީ ރަޝީދުއާއި ކުރީގެ ވެރިފަރާތް ކަމުގައިވާ އަޒްމިރަލްދާ ސަލީމްއާ އެކު ވެފައިވާ އެއްބަސްވުން 30 ޑިސެންބަރު 2018 އިން ފެށިގެން ބާޠިލުވާނެ ކަމަށާއި، އަދި އެ ތާރީޚަށް ތަން ހުސްކުރުމަށް ނޯޓިސްދީފައިވެއެވެ.

30 ޑިސެންބަރު 2018 ގެ ފަހުގައިވެސް ޢަލީ ރަޝީދުގެ ފަރާތުން ތަން ހުސްކޮށްފައިނުވާތީ، 02 ޖެނުއަރީ 2019 ގައި މުޙައްމަދު އިބްރާހީމް ދީދީގެ ފަރާތުން ޢަލީ ރަޝީދުއަށް އަނެއްކާވެސް ސިޓީއެއް ފޮނުވިއެވެ. ގ. ވޭލާވިލާގައި ބޭނުންކުރަމުންދާ ފްލޯރ ކުއްޔަށް ހިފަން ބޭނުންނަމަ ނުވަތަ ތަން ހުސްކުރަން ބޭނުންނުވާނަމަ 01 ޖެނުއަރީ 2019 އިން ފެށިގެން ކޮންމެ މީލާދީ މަހަކަށް 75,000/-ރ. (ހަތްދިހަ ފަސްހާސް ރުފިޔާ) އަށް ދެ އަހަރު ދުވަހަށް ކުއްޔަށް ދިނުމަށް ހުށަހަޅާކަމަށާއި، މި ހުށަހެޅުން ޤަބޫލުކުރާނަމަ، 48 (ސާޅީސް އަށެއް) ގަޑިއިރު ތެރޭގައި އެކަން އެންގުމަށް ބުނެފައިވެއެވެ. އަދި މި ހުށަހެޅުން ޤަބޫލުނުކުރާނަމަ، ސިވިލް ކޯޓަށް މައްސަލަ ހުށަހަޅައިގެން ތަން ހުސްކުރުމުގެ މަސައްކަތް ކުރާނެ ވާހަކަ އެ ސިޓީގައި ބުނެފައިވެއެވެ.

އަދި އޭގެ ފަންސަވީސް ދުވަސް ފަހުން 27 ޖެނުއަރީ 2019 ގައި ގ. ވޭލާވިލާ (ކުރީގެ ގ. ގެލީނާ) އެވެ ކިޔާ ޢިމާރާތް ހުސްކޮށް ތަން ޙަވާލުކުރުމަށާއި، މުޙައްމަދު އިބްރާހީމް ދީދީގެ ފަރާތުން ހުށަހެޅި ކުލި ހޯދުމަށް އެދި އޭނާގެ ފަރާތުން ސިވިލް ކޯޓަށް މައްސަލަ ހުށަހެޅި އެވެ. އެ މައްސަލަ ބެލީ ސިވިލް ކޯޓުގެ ނަންބަރު 587/Cv-C/2019 ގަޒިއްޔާއިންނެވެ.

ސިވިލް ކޯޓުގެ ނަންބަރު 587/Cv-C/2019 ގަޒިއްޔާ ނިންމި ގޮތް

ސިވިލް ކޯޓުގެ ނަންބަރު 587/Cv-C/2019 ގަޒިއްޔާގައި ޙުކުމްކުރީ މުޙައްމަދު އިބްރާހީމް ދީދީގެ ނުރުހުމުގައި އެތަން ބޭނުންކުރުމުގެ ޙައްޤު ޢަލީ ރަޝީދުއަށް ލިބިގެންނުވާކަމަށާއި، ޢިމާރާތް ބޭނުންކުރަމުންދާތީ އެތަނަށް މުޙައްމަދު އިބްރާހީމް ދީދީ ހުށަހަޅާފައިވާ ކުލި ދައްކަންޖެހޭ ކަމަށެވެ. ސިވިލް ކޯޓުން މިގޮތަށް ޙުކުމްކުރީ އަންނަނިވި ސަބަބުތަކުގެ މައްޗަށް ބުރަވެއެވެ.

16.1 ލާ ޖެއްސުމަށްފަހު ގ. ވޭލާވިލާ އެވެ ކިޔާ ބަންޑާރަ ގޯތި މިހާރު ރަޖިސްޓްރީކޮށްދީފައިވާ މުޙައްމަދު އިބްރާހީމް ދީދީގެ ނަމަށް އެ ގޯތީގައިވާ ޢިމާރާތްތަކުގެ މިލްކުވެރިކަން ޝަރީޢަތް މެދުވެރިކޮށް ބަދަލުކޮށްފައިވަނީ ވަކިކަމެއް ޝަރުޠުވެގެންނޫންކަން ސިވިލް ކޯޓުގެ ނަންބަރު 881/Cv-C/2018 ގަޒިއްޔާއަށާއި އެ ގަޒިއްޔާގައި ހުށަހެޅުނު "ލާޖެއްސުމުގެ އެއްބަސްވުން" އަށް ބެލުމުން އެނގެން އޮންނަކަމާއި އަދި އެ އެއްބަސްވުމުގައި ގ. ވޭލާވިލާ އެވެ ކިޔާ ގޯތީގައިވާ ޢިމާރާތްތަކާއި ގުޅިގެން ތިންވަނަ ފަރާތެއްގެ ޙައްޤެއް ނަގުލުކޮށްފައި ނުވާކަން؛

16.2 ގ. ވޭލާވިލާ އެވެ ކިޔާ ގޯތީގައިވާ ޢިމާރާތްތަކާ ގުޅޭގޮތުން ޢަލީ ރަޝީދުގެ ފަރާތުން ބުނާފަދަ އެއްބަސްވުމެއްގެ ދަށުން މި މައްސަލައިގައި މުޙައްމަދު އިބްރާހީމް ދީދީގެ ފަރާތުން އުފުލަންޖެހޭ "ތަޢާޤުދީ މަސްއޫލިއްޔަތު" (contractual liability) އެއް ނުވާ ކަމާއި، އަދި އެފަދަ އެއްބަސްވުމެއް އޮތްނަމަ، އެ އެއްބަސްވުމުގެ ދަށުން އުފުލަންޖެހޭ "ތަޢާޤުދީ މަސްއޫލިއްޔަތު" (contractual liability) އެއް އޮންނާނީ ޢަލީ ރަޝީދުއާ އަޒްމިރަލްދާ ސަލީމްއާ ދެމެދުގައިކަން؛

16.3 މުޙައްމަދު އިބްރާހީމް ދީދީ އާއި ޢަލީ ރަޝީދުއާ ދެމެދު "ތަޢާޤުދީ މަސްއޫލިއްޔަތު" (contractual liability) އެއް ނުވާތީ، މުޙައްމަދު އިބްރާހީމް ދީދީގެ ނުރުހުމުގައި އެ ތަން ބޭނުންކުރުމުގެ ޙައްޤެއް ޢަލީ ރަޝީދުއަށް ލިބިގެންނުވާކަމާއި، މުޙައްމަދު އިބްރާހީމް ދީދީގެ ފަރާތުން އެދިފައިވާގޮތަށް ތަން ހުސްކޮށް، އެތަން މުޙައްމަދު އިބްރާހީމް ދީދީއާ ޙަވާލުކުރުމަށް ޝަރީޢަތުގެ ފަރާތުން އަންގަންޖެހޭކަން؛

16.4 02 ޖެނުއަރީ 2019 އިން ފެށިގެން ޢިމާރާތް ބޭނުންކުރާނަމަ ބޭނުންކުރެވޭނީ މުޙައްމަދު އިބްރާހީމް ދީދީގެ ފަރާތުން ކަނޑައެޅި މަހަކު 75,000/-ރ. (ހަތްދިހަ ފަސްހާސް ރުފިޔާ) ގެ ކުއްޔަށްކަމާއި، 01 ޖެނުއަރީ 2019 އިން ފެށިގެން 15 ޖެނުއަރީ 2019 އަށް ހިނގާފައިވާ 15 (ފަނަރަ) ދުވަހުގެ ކުލީގެ ގޮތުގައި ޝަރީޢަތުން ނަގައިދެވޭނީ 36,290/32ރ. (ތިރީސް ހަހާސް ދުއިސައްތަ ނުވަދިހަ ރުފިޔާ ތިރީސް ދެ ލާރި) ކަމާއި އަދި 16 ޖެނުއަރީ 2019 އިން ފެށިގެން ތަން ހުސްކުރުމާ ހަމައަށް ހިނގާ މުއްދަތަށް އެ ނިސްބަތުގައި ކުލި އަދާކުރަންޖެހޭކަން؛

16.5 ޚަސްމުންގެ މެދުގައި ވަކީލު ފީއަށް އެއްބަސްވެފައިވާކަން އެނގެން ނެތުމުން އެ ފައިސާއަކީ މި މައްސަލައިގައި ނަގައިދެވޭނެ ފައިސާއެއް ނޫންކަން؛ އަދި

16.6 މި މައްސަލައިގައި ހެއްކެއްގެ ގޮތުގައި އަޒްމިރަލްދާ ސަލީމް ހާޒިރުކޮށްދިނުމަށް އެދިފައިވީނަމަވެސް، ޢަލީ ރަޝީދު ބުނެފައިވާގޮތަށް ހެކިބަސް ދިން ނަމަވެސް އެ ހެކިބަހަކީ، އަޒްމިރަލްދާ ސަމީލްގެ ހެކިބަހަށް އެކަނި ބުރަވެ، ޝަރީޢަތުގައި ވަކިކަމެއް ސާބިތުކޮށްދެވޭ ފަދަ ހެކިބަހަކަށް ނުފުދޭކަމާއި، އަދި އެފަރާތުގެ ހެކިބަހަކީ ލާ ޖެއްސުމުގެ އެއްބަސްވުމުގެ 23 ވަނަ މާއްދާ ނަފީކުރާ ހެކިބަހަކަށް ނުވާކަމާއި، އަޒްމިރަލްދާ ސަލީމް އޭނާގެ އަމިއްލަ މަޞްލަޙަތުގައި ދޭ ހެކިބަހަކީ އެ މައްޗަށް ޝަރީޢަތުން ބުރަދަން ދެވިދާނެ ބަހަކަށްނުވާތީ، އަޒްމިރަލްދާ ސަލީމްގެ ހެކިބަސް ޝަރީޢަތުން ނަގާފައިނުވާކަން.

މި ސަބަބުތަކުގެ މައްޗަށް ބުރަވެ ސިވިލް ކޯޓުން ޙުކުމްކޮށްފައިވަނީ ކުރީގެ ގ. ގެލީނާގެ (މިހާރުގެ ގ. ވޭލާވިލާ) މިލްކުވެރިކަން މުޙައްމަދު އިބްރާހީމް ދީދީގެ ނަމަށް ބަދަލުކުރެވިފައިވަނީ ތިން ވަނަ ފަރާތެއްގެ ޙައްޤެއް ރައްކާތެރިކުރުމަށް ޝަރުޠުކުރެވިގެންކަމަށް ނުވާތީ، މުޙައްމަދު އިބްރާހީމް ދީދީގެ ނުރުހުމުގައި އެތަން ބޭނުންކުރުމުގެ ޙައްޤު ޢަލީ ރަޝީދުއަށް ލިބިގެންނުވާކަމަށާއި، ޢިމާރާތް ބޭނުންކުރަމުންދާތީ އެތަނަށް މުޙައްމަދު އިބްރާހީމް ދީދީ ހުށަހަޅާފައިވާ ކުލި ދައްކަންޖެހޭ ކަމަށެވެ.

ހައިކޯޓުން މައްސަލަ ނިންމިގޮތް

ބުނެވުނު ސިވިލް ކޯޓުގެ ޙުކުމް އިސްތިއުނާފުކުރުމަށް ޢަލީ ރަޝީދުގެ ފަރާތުން ހައިކޯޓަށް ހުށަހެޅުމުން އެ މައްސަލަ ބަލައިފައިވަނީ ހައިކޯޓުގެ ނަންބަރު 2019/HC-A/399 ގަޒިއްޔާގައެވެ. އެ ގަޒިއްޔާގައި ޙުކުމްކުރީ ސިވިލް ކޯޓުގެ ޙުކުމް ބާޠިލުކޮށެވެ. ހައިކޯޓުން މި ޙުކުމަށް ވާސިލުވީ އަންނަނިވި ސަބަބުތަކުގެ މައްޗަށް ބުރަވެއެވެ.

އަޒްމިރަލްދާ ސަލީމްގެ ހެކިބަސް ނުނަގަން ސިވިލް ކޯޓުން ނިންމާފައިވާ އެއް ސަބަބަކީ ރަނގަޅު ސަބަބެއްގެ ގޮތުގައި ބެލެވެން ނެތްކަމާއި، ހެކިވެރިޔާގެ މަޞްލަޙަތު ފުށުއަރާ ކަންކަމުގައިވެސް ހެކިބަހަށް ބާރުދޭ އިތުރު ހުއްޖަތާއި ޤަރީނާ ހުރެއްޖެނަމަ އެފަދަ ހެކިބަހެއް ކޯޓުން ބަލައިގަނެ ވަޒަންކުރެވިދާނެކަން؛

ކުލީގެ އެއްބަސްވުމަކީ ލާ ޖެއްސުމުގެ އެއްބަސްވުމުގެ 8 ވަނަ މާއްދާގެ (ހ) އާ ފުށުއަރާ އެއްބަސްވުމެއްކަމުގައި ބެލެވެން ނެތްކަމާއި، ލާޖެއްސުމުގެ އެއްބަސްވުމުގެ 9 ވަނަ މާއްދާގެ ޢިބާރާތަށް ބެލުމުން ގ. ގެލީނާ (މިހާރުގެ ގ. ވޭލާވިލާ) އެވެ ކިޔާ ގޯތީގައިވާ ސަންޓާނާ ފިހާރަ ކުއްޔަށް ދީފައިވާކަން މުޙައްމަދު އިބާރާހީމް ދީދީއަށް އެނގޭކަމަށް ދަލީލުލިބޭކަމާއި، އަދި ޢާއްމު ވިސްނުމަކުން ވިސްނާއިރުވެސް، އެތަން ކުއްޔަށް ދީފައިވާކަން މުޙައްމަދު އިބްރާހީމް ދީދީއަށް އެނގޭކަމަށް ޝަރީޢަތަށް ބުރަވެވޭކަން؛

ތަނުގެ ކުރީގެ މިލްކުވެރިކަން އޮތް ފަރާތަކާއި ދެމެދު ތަނާ ގުޅޭގޮތުން ކުލީގެ ޞައްޙަ އެއްބަސްވުމެއް ވެފައިވާނަމަ، ޤާނޫނު ޤަބޫލުކުރާ މަޤުބޫލު ސަބަބެއް ނެތްނަމަ ތަނުގެ މިލްކުވެރިކަން އަލަށް ލިބުނު ފަރާތުން އެ އެއްބަސްވުމަށް އިހްތިރާމްކުރަން ޖެހޭކަން؛

އަޒްމިރަލްދާ ސަލީމްއާއި ޢަލީ ރަޝީދުއާ ދެމެދު ވެވުނު އެއްބަސްވުން ބާޠިލުކަމަށް މުޙައްމަދު އިބްރާހީމް ދީދީގެ ފަރާތުން ބުނި ނަމަވެސް، އެފަދައިން އެއްބަސްވުން ބާޠިލުކުރެވިދާނެ ޝަރުޢީ އަދި ޤާނޫނީ ސަބަބެއް މެދުވެރިނުވާއިރު ނުވަތަ ދެފަރާތުން އެއްބަސްވުން ބާޠިލުނުކުރާހާ ހިނދަކު އެއްބަސްވުމުގައި ކަނޑައެޅިފައިވާގޮތަށް އެއްބަސްވުމުގެ މުއްދަތު ދެމިގެންދާނެކަން؛

މި ސަބަބުތަކުގެ މައްޗަށް ބުރަވެ ހައިކޯޓުން މައްސަލަ ނިންމާފައިވަނީ ސިވިލް ކޯޓުގެ ޙުކުމް ބާޠިލުކަމަށް ކަނޑައަޅައެވެ.

ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރި ނުކުތާތައް

މުޙައްމަދު އިބްރާހީމް ދީދީގެ ފަރާތުން ހައިކޯޓުގެ ނަންބަރު 2019/HC-A/399 ގަޒިއްޔާ ނިންމާފައިވަނީ ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށް ބުނެ އެ ގަޒިއްޔާ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރިއެވެ. ހައިކޯޓުގެ ގަޒިއްޔާ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރަމުން މައިގަނޑު 4 (ހަތަރެއް) ނުކުތާއެއް ފާހަގަކޮށްފައިވެއެވެ.

މިހާރުގެ ގ. ވޭލާވިލާގެ ކުރީގެ ވެރިފަރާތުން (އަޒްމިރަލްދާ ސަލީމް) އެހެންފަރާތަކާއެކު ވެފައިވާ އެއްބަސްވުން މުޙައްމަދު އިބްރާހީމް ދީދީގެ ފަރާތުން ދަމަހައްޓަންޖެހޭކަމަށް ހައިކޯޓުން ކަނޑައަޅާފައިވަނީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އާރް.ކޭ.އެލް.ގްރޫޕް ޕްރައިވެޓް ލިމިޓެޑް ވ. ޑރ. އިސްމާޢީލް ރަޝީދު ޢުމަރު ގަޒިއްޔާއިން ކަނޑައަޅާފައިވާ އުޞޫލާ ޚިލާފަށް، އަދި ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 20 ވަނަ މާއްދާއާއި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ) އާ ޚިލާފަށްކަމަށް ބުނެ ހުށަހެޅި ނުކުތާ.

ސިވިލް ކޯޓުގެ ނަންބަރު 587/Cv-C/2019 ގަޒިއްޔާގައި ޢަލީ ރަޝީދުގެ ފަރާތުން ހުށަހަޅާފައިވާ ހެކި ހާޒިރުނުކުރުމަށް ސިވިލް ކޯޓުން ނިންމާފައިވަނީ ރަނގަޅަށް ނޫންކަމަށް ހައިކޯޓުން ކަނޑައަޅާފައިވަނީ، ހެކި ހާޒިރުކުރުމާއި ގުޅޭގޮތުން ދިވެހިރާއްޖޭގެ މަތީ މަރުޙަލާގެ ކޯޓުތަކުން ކަނޑައަޅާފައިވާ އުޞޫލުތަކާ ޚިލާފަށް އަދި ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާއާ ޚިލާފަށްކަމަށް ބުނެ ހުށަހެޅި ނުކުތާ.

ޢަލީ ރަޝީދުއާއި އަޒްމިރަލްދާ ސަލީމްއާ ދެމެދު ސޮއިކޮށްފައިވާ ކުލީގެ އެއްބަސްވުމަށް، މުޙައްމަދު އިބްރާހީމް ދީދީގެ ފަރާތުން ޢަމަލުކޮށް އެ އެއްބަސްވުން ދަމަހައްޓަންޖެހޭނެކަމަށް ކަނޑައަޅާފައިވަނީ، ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 13 ވަނަ މާއްދާއާއި އަދި ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ) އާ ޚިލާފަށްކަމަށް ބުނެ ހުށަހެޅި ނުކުތާ.

ގ. ވޭލާވިލާގެ (ކުރީގެ ގ. ގެލީނާ) ގްރައުންޑް ފްލޯރ (ސަންޓާނާ ފިހާރަ) ގެ ކުލި މުޙައްމަދު އިބްރާހީމް ދީދީއަށް ބޮޑުކުރެވޭނެ ޝަރުޢީ އަދި ޤާނޫނީ ހަމައެއް ނެތްކަމަށް ކަނޑައަޅާފައިވަނީ ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 40 ވަނަ މާއްދާގެ (ހ) އާ ޚިލާފަށްކަމަށް ބުނެ ހުށަހެޅި ނުކުތާ.

ބުނެވުނު އިސްތިއުނާފީ ނުކުތާތަކަށް ބަލާއިރު، މި މައްސަލައިގައި ސުޕްރީމް ކޯޓުން ގޮތެއް ކަނޑައަޅަންޖެހޭ މައިގަނޑު ނުކުތާއަކީ އިމާރާތެއްގެ ވެރިފަރާތް ބަދަލުވުމުގެ ކުރިން ވެފައިވާ ކުލީގެ އެއްބަސްވުމެއް، އެ އިމާރާތުގެ ވެރިފަރާތް ބަދަލުވާފަހުން، އައު ވެރިފަރާތާއެކު ދެމި އޮންނާނެތޯއެވެ.

ގޯތީގެ ވެރިފަރާތާއި ކުއްޔަށްހިފާ ފަރާތާ ދެމެދު ވެފައި އޮންނަ އެއްބަސްވުން އައު ވެރިފަރާތުގެ މައްޗަށް ދެމިއޮންނާނެތޯ

މި ސުރުޚީގެ ދަށުން އަލިއަޅުވާލެވިފައިވާނީ މުޙައްމަދު އިބްރާހީމް ދީދީގެ ފަރާތުން ހުށަހަޅާފައިވާ އިސްތިއުނާފީ ފުރަތަމަ، ތިންވަނަ އަދި ހަތަރުވަނަ ނުކުތާގައި ޖުމްލަގޮތެއްގައި ފާހަގަކޮށްފައިވާ ކަންތައްތަކަށެވެ.

މިހާރުގެ ގ. ވޭލާވިލާގެ ކުރީގެ ވެރިފަރާތުން (އަޒްމިރަލްދާ ސަލީމް) އެހެންފަރާތަކާއެކު ވެފައިވާ އެއްބަސްވުން މުޙައްމަދު އިބްރާހީމް ދީދީގެ ފަރާތުން ދަމަހައްޓަންޖެހޭކަމަށް ހައިކޯޓުން ކަނޑައަޅާފައިވަނީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އާރް.ކޭ.އެލް.ގްރޫޕް ޕްރައިވެޓް ލިމިޓެޑް ވ. ޑރ. އިސްމާޢީލް ރަޝީދު ޢުމަރު ގަޒިއްޔާގައި ކަނޑައަޅާފައިވާ އުޞޫލާ ޚިލާފަށްކަމަށާއި އަދި މިއީ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ) ގެ ދަށުން މަތީ މަރުހަލާ ކޯޓުތަކުގެ ނިންމުންތަކަށް އެއަށްވުރެ ދަށު މަރުހަލާތަކުން ތަބާވާންޖެހޭނެކަމަށް އޮންނަ އޮތުމާ ޚިލާފުކަމެއްކަމަށް މުޙައްމަދު އިބްރާހީމް ދީދީގެ ފަރާތުން ސުޕްރީމް ކޯޓުގައި ބުނެފައިވެއެވެ.

އެ ގޮތުން، އާރް.ކޭ.އެލް.ގްރޫޕް ޕްރައިވެޓް ލިމިޓެޑް ވ. ޑރ. އިސްމާޢީލް ރަޝީދު ޢުމަރު ގަޒިއްޔާގައި ކަނޑައަޅާފައިވާ އުޞޫލަށް ބަލާއިރު، ޢިމާރާތް ވިއްކާލާފައިވަނީ ކުއްޔަށް ހިފިފަރާތުގެ ރުހުމަކާ ނުލައިނަމަ، ޢިމާރާތް ކުއްޔަށްހިފި ފަރާތަށް އެކަމުގެ ސަބަބުން ލިބިދާނެ ގެއްލުމާމެދު ޒިންމާވާންޖެހޭނީ އޭނާއާއެކު އެއްބަސްވެފައިވާ ފަރާތުންކަމަށް ކަނޑައަޅާފައިވާކަމަށާއި، އަދި މިއީ ޕްރިވިޓީ އޮފް ކޮންޓްރެކްޓް (privity of contract) ގެ މަބްދައުގެ ދަށުން މުޙައްމަދު އިބްރާހީމް ދީދީ ތަބާވުން ލާޒިމް އެއްބަސްވުމެއް ނޫންކަމަށެވެ.

މުޙައްމަދު އިބްރާހީމް ދީދީގެ ފަރާތުން މީގެ އިތުރަށް ބުނެފައިވަނީ ގޯތި ލާޖެއްސުމާ ގުޅޭގޮތުން އަޒްމިރަލްދާ ސަލީމްއާ ޢަލީ ރަޝީދުއާއެކު ވެފައިވާ ކުއްޔަށްދިނުމުގެ އެއްބަސްވުން ދެމެހެއްޓުމަށް އަޒްމިރަލްދާ ސަލީމް މުޙައްމަދު އިބްރާހީމް ދީދީގެ މައްޗަށް ޝަރުތެއްކޮށްފައިނުވާކަމަށާއި، އެއްބަސްވުން ދެމެހެއްޓުމަށް ނުވަތަ ޤާނޫނީގޮތުން ބަނދެވުމަށް މުޙައްމަދު އިބްރާހީމް ދީދީ އެއްވެސް އިރެއްގައި ރުހުން ދީފައިނުވާނެކަމަށާއި، އަދި މިއީ މުޙައްމަދު އިބްރާހީމް ދީދީގެ އަމިއްލަ އިޚްތިޔާރުގައި ނޫންގޮތަކަށް ކޮންޓްރެކްޓެއްގައި ބައިވެރިވުމަށް މަޖުބޫރުކުރުން ކަމުގައިވާތީ، މިއީ ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 13 ވަނަ މާއްދާއާ ޚިލާފުކަމެއްކަމަށެވެ. އަދި ޤާނޫނުއަސާސީގެ 40 ވަނަ މާއްދާގެ (ހ) ގައި މުދާ ހޯދުމާއި، މިލްކުކުރުމާއި، ވާރުތަކުރުމާއި، ދިނުމާއި މުދަލުން މުޢާމަލާތްކުރުމުގެ ހައްޤަކީ ކޮންމެ ރައްޔިތަކަށްމެ ލިބިގެންވާ ޙައްޤެއް ކަމުގައިވާއިރު، ހައިކޯޓުގެ ނަންބަރު 2019/HC-A/399 ގަޒިއްޔާގައި މުޙައްމަދު އިބްރާހީމް ދީދީއަށް ތަނުގެ ކުލި ބޮޑުކުރެވޭނެ ޝަރުޢީ ނުވަތަ ޤާނޫނީ ހަމައެއްނެތްކަމަށް ކަނޑައަޅާފައިވަނީ ޤާނޫނުއަސާސީގެ 40 ވަނަ މާއްދާގެ (ހ) އާ ޚިލާފަށްކަމަށެވެ.

މިކަންކަމުގެ ރައްދުގައި ޢަލީ ރަޝީދުގެ ފަރާތުން ބުނެފައިވަނީ ކުރިން އަޤުދު ކުރެވުނު އެއްބަސްވުމަށް އުނިކަމެއް އަންނަގޮތަށް އައު އެއްބަސްވުމެއްވުން ހުއްދަނުކުރާކަމަށާއި، އެއްބަސްވުމުގެ ސަބަބުން އައު ވެރިފަރާތަށް އެއްވެސް ގެއްލުމެއްވާނަމަ އެކަމަށް ފަރުވާއެއް ހޯދުމާއި ބަދަލު ހޯދުމަށް ދަޢުވާކުރަން ޖެހޭނީ ކުރީގެ ވެރިފަރާތުގެ މައްޗަށްކަމަށާއި، އެހެންކަމުން، މުޙައްމަދު އިބްރާހީމް ދީދީގެ ފަރާތުން ތަޢާގުދީ މަސްއޫލިއްޔަތު (contractual liability) ގެ މަފްހޫމް ތަރުޖަމާކޮށްފައިވަނީ ރަނގަޅަށް ނޫންކަމަށެވެ.

އަދި މުޙައްމަދު އިބްރާހީމް ދީދީ ލާޖެއްސުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ އަމިއްލަ އިޚްތިޔާރުން ކަމަށާއި، މިލްކުވެރިކަން ބަދަލުވެ، މުދަލާމެދު ކޮށްފައިވާ އަޤުދުތަކާއި ކުއްޔަށް ދިންފަރާތުގެ ޒިންމާތައް މުޙައްމަދު އިބްރާހީމް ދީދީގެ މައްޗަށް ބަދަލުވެފައިވަނީ ޤާނޫނީ ހަމަތަކުގެ މަތިންކަމަށެވެ. އަދި ޤާނޫނުއަސާސީގެ 40 ވަނަ މާއްދާގައި ބަޔާންކޮށްފައިވާގޮތުގެ މަތިން ތަނުގެ ކުލި ލިބެމުންދަނީ މުޙައްމަދު އިބްރާހީމް ދީދީއަށް ކަމުގައިވާތީއާއި އެހެންފަރާތަކަށް އެ މުދަލުގެ މަންފާ ލިބެމުންނުދާތީ، މި ނުކުތާއަކީ ޤާނޫނީ ބަހުސެއް އެކަމުގައި ނެތް ނުކުތާއެއްކަމަށެވެ.

(ހ) މުދަލުގެ މައްޗަށް އުފެދޭ ޙައްޤުތަކާ ގުޅިގެން ކޯޓުތަކުން ޢަމަލުކުރަމުންދާ އުޞޫލު

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އާރް.ކޭ.އެލް ގްރޫޕް ޕްރައިވެޓް ލިމިޓެޑް ވ. ޑރ. އިސްމާޢީލް ރަޝީދު ޢުމަރު ގަޒިއްޔާއަކީ މއ. އާމަންޑުވިލާގެ މިލްކުވެރިކަން ބަދަލުވުމާ ގުޅިގެން، އެ ގެ ކުއްޔަށް ހިފާފައިވާ ފަރާތާއި ގޯތީގެ ކުރީގެ ވެރިފަރާތާދެމެދު އޮތް އެއްބަސްވުމަށް އައު މިލްކުވެރިޔާ ޢަމަލުރަންޖެހޭނެތޯ އުފައްދާފައިވާ ސުވާލާމެދު ގޮތެއް ކަނޑައެޅުނު މައްސަލައެކެވެ. ސުޕްރީމް ކޯޓުން އެ މައްސަލައިގައި ނިންމާފައިވަނީ ގޭގެ މިލްކުވެރިކަން ޑރ. އިސްމާޢީލު ރަޝީދު ޢުމަރުއަށް ބަދަލުވެފައިވާކަމަށް ކަނޑައަޅާފައިވަނީ، މއ. އާމަންޑުވިލާގައި ހަދާފައިހުރި ޢިމާރާތް ކުއްޔަށް ދިނުމާ ބެހޭގޮތުން އާރް.ކޭ.އެލް ގްރޫޕް ޕްރައިވެޓް ލިމިޓެޑް އާއި، އެގޭގެ ކުރީގެ ވެރިފަރާތްކަމަށްވާ، ފާޠިމަތު ވަޙީދާއާ ދެމެދު ކުރީގައި ވެފައިވާ އެއްބަސްވުން ތަންފީޒުކުރުމުގެ ގޮތުން އެއްވެސް އިލްތިޒާމެއް ޑރ. އިސްމާޢީލު ރަޝީދު ޢުމަރު އަދާކުރަންޖެހޭ އުޞޫލަކުން ނޫންކަމަށްވާތީއާއި، އަދި ފާޠިމަތު ވަޙީދާގެ ވާރިސުން ޑރ. އިސްމާޢީލު ރަޝީދު ޢުމަރުއަށް މއ. އާމަންޑްވިލާގައި ހަދާފައިހުރި ޢިމާރާތް ވިއްކާފައިވަނީ އާރް.ކޭ.އެލް ގްރޫޕް ޕްރައިވެޓް ލިމިޓެޑްއާއެކު އެ ޢިމާރާތް ކުއްޔަށް ދިނުމަށް ކުރީގައި ވެފައިވާ އެއްބަސްވުން ދެމެހެއްޓުމަށް ޝަރުޠުކޮށްފައިކަމުގައި ނުވާތީ، ޑރ. އިސްމާޢީލު ރަޝީދު ޢުމަރުގެ ރުހުމާނުލައި އެތަން ބޭނުންކުރުމުގެ ޙައްޤު، އާރް.ކޭ.އެލް ގްރޫޕް ޕްރައިވެޓް ލިމިޓެޑަށް ލިބިގެންނުވާކަމަށެވެ.

އެހެންނަމަވެސް، އޭގެ ފަހުން، 2021 ގައި މުޙައްމަދު ޔޫސުފް މޫސާ ވ. ފާޠިމަތު ނާޒިމާ އަދި އިތުރު 3 ފަރާތެއް ގަޒިއްޔާގައި މި ނިންމުމުގައިވާ އުޞޫލާ ސުޕްރީމް ކޯޓުން ދުރަށްޖެހިފައިވާކަން ފާހަގަކުރެވެއެވެ. އެ ގަޒިއްޔާގައި ސުޕްރީމް ކޯޓުންވެސް އަދި ހައިކޯޓުންވެސް ކުރިން ނިންމާފައިވާ ބައެއް ގަޒިއްޔާތަކުގައި މުދަލެއްގެ މައްޗަށް އުފެދޭ ޙައްޤުތަކަށް އަލިއަޅުވާލުމާއެކު، ފަނޑިޔާރު ޙުސްނުއް ސުޢޫދުގެ ރަޢުޔުގެ 26 ވަނަ ޕެރެގްރާފްގައި ބަޔާންކުރައްވާފައިވަނީ؛

"ބިމަކާ ގުޅޭގޮތުން ދެފަރާތުގެ ދެމެދުގައި ގާއިމުކުރެވޭ ކުލީގެ ހައްގާއި ރަހުނުގެ ހައްގާއި ކޯޓުތަކުން ގަބޫލުކުރާ ލިއެންގެ ހައްގަކީ މުދަލުގެ މައްޗަށް އުފެދޭ ހައްގުތަކެއް ކަމުގައި ވާތީވެ، އެކަކުގެ ކިބައިން އަނެކަކަށް ބިން ނަގުލުވާނީ ބިމާ ގުޅިފައިވާ ކުލީގެ އިލްތިޒާމުތަކާއި ރަހުނުގެ އިލްތިޒާމުތަކާއި ލިއެންގެ އިލްތިޒާމުތަކާއި އެކުގައެވެ. އެހެންކަމުން އެއް ފަރާތުން އަނެއް ފަރާތަށް ބިމެއްގެ މިލްކުވެރިކަން ނަގުލުވާއިރު، އެ ބިމުގެ މިލްކުވެރިކަން ނަގުލުވުމުގެ ކުރިން އެ ބިމުގެ މައްޗަށް އެހެން ފަރާތްތަކަށް އުފެދިފައިވާ ހައްގުތައް ނިމުމަކަށް ނާންނާނެއެވެ. (އޭގެ ތެރޭގައި މީހަކު މަރުވެގެން ތަރިކައިގެ މުދަލުގެ ގޮތުގައި ވާރިސުންނަށް ލިބޭ މުދާވެސް ހިމެނެއެވެ.)"

މުޙައްމަދު ޔޫސުފް މޫސާ ވ. ފާޠިމަތު ނާޒިމާ އަދި އިތުރު 3 ފަރާތެއް ގަޒިއްޔާގައި ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރައުޔުގައި މިލްކުވެރިކަން ބަދަލުވިނަމަވެސް މުދަލުގެ މައްޗަށް އުފެދޭ ޙައްޤުތައް ދެމިގެންދާކަމަށް ބާރުދޭ، އެކި ކޯޓުތަކުގެ ބައެއް ގަޒިއްޔާތައް ފާހަގަކުރައްވާފައިވާއިރު، އާރް.ކޭ.އެލް ގްރޫޕް ޕްރައިވެޓް ލިމިޓެޑް ވ. ޑރ. އިސްމާޢީލް ރަޝީދު ޢުމަރު ގަޒިއްޔާގައިވާ ނިންމުމަކީ އެ ގަޒިއްޔާގެ ކުރިންވެސް އަދި ފަހުންވެސް ކޯޓުތަކުން މި ބާވަތުގެ މައްސަލަތަކުގައި ޢާންމުކޮށް ދަމަހައްޓާ އުސޫލުތަކާ އެއްގޮތަށް ނިންމާފައިވާ ގަޒިއްޔާއެއްކަމަކަށް ނުބެލެވެއެވެ. އަދި އެ ގަޒިއްޔާގެ ފަހުން، މުޙައްމަދު ޔޫސުފް މޫސާ ވ. ފާޠިމަތު ނާޒިމާ އަދި އިތުރު 3 ފަރާތެއް ގަޒިއްޔާގެ ދަށުން މިފަދަ ޙައްޤުތައް ދެމިގެންދާކަން ތަފްސީލުކޮށް ބަޔާންކޮށް، އަދި ޝަރުޢީ ކޯޓުތަކުގެ މިބާވަތުގެ އެކި މައްސަލަތައް ދިރާސާކޮށް، ގޮތެއް ކަނޑައަޅާފައި އޮތުމުން، ސުޕްރީމް ކޯޓުގެ އާރް.ކޭ.އެލް ގްރޫޕް ޕްރައިވެޓް ލިމިޓެޑް ވ. ޑރ. އިސްމާޢީލް ރަޝީދު ޢުމަރު ގަޒިއްޔާގައި ބަޔާންކޮށްފައިވާ އުޞޫލަކީ ޤާނޫނީގޮތުން ރަނގަޅު އަދި މިހާރު ޢަމަލުކުރެވޭ އުޞޫލެއްކަމުގައި އަހުރެން ނުދެކެމެވެ. މި ބާވަތުގެ މައްސަލަތަކުގައި މިހާރު ޢަމަލުކުރަމުންދާ އުޞޫލު ބަޔާންކޮށްފައިވަނީ މުޙައްމަދު ޔޫސުފް މޫސާ ވ. ފާޠިމަތު ނާޒިމާ އަދި އިތުރު 3 ފަރާތެއް ގަޒިއްޔާގައެވެ. އެއީ ބިމެއްގެ މިލްކުވެރިކަން އެކަކުގެ ކިބައިން އަނެކާއަށް ބަދަލުވާއިރު، އެ ބިމުގެ މައްޗަށް އުފެދިފައިވާ ތިންވަނަ ފަރާތްތަކުގެ އިލްތިޒާމްތައްވެސް އެ ބިމާއެކު އައު ވެރިފަރާތަށް ނަގުލުވެގެންދާކަމެވެ.

(ށ) އުޞޫލު ތަޠްބީޤުކުރުން

އިސްވެ ފާހަގަކުރެވުނު އުޞޫލު މި މައްސަލައަށް ތަޠްބީޤުކުރާއިރު، އަޒްމިރަލްދާ ސަލީމްގެ ފަރާތުން ގ.ގެލީނާ އެވެ ކިޔާ ގޯތި މުޙައްމަދު އިބްރާހީމް ދީދީއަށް ލާޖެއްސުމަށް ހުށަހެޅިއިރު، މި ގޯތީގައި ހަދާފައިވާ ސަންޓާނާ ފިހާރަ 10 (ދިހައެއް) އަހަރު ދުވަހުގެ މުއްދަތަށް ޢަލީ ރަޝީދުއަށް ކުއްޔަށްދީފައިވާކަން އެނގެން އޮވެއެވެ. އޭރު ކުލީގެ އެއްބަސްވުމުގެ މުއްދަތުގެ ގާތްގަނޑަކަށް 4 (ހަތަރު) އަހަރެއްހާ ދުވަސް ބާކީ އޮތެވެ. ކުލީގެ އެއްބަސްވުން ނިމޭ ތާރީޚަކީ 31 ޑިސެންބަރު 2021 އެވެ.

ކުލީގެ އެއްބަސްވުމުގެ މުއްދަތުގައި އެތަނުގެ މިލްކުވެރިކަން މުޙައްމަދު އިބްރާހީމް ދީދީއަށް ބަދަލުކޮށްފައިވުމުން އެތަނުގެ މިލްކުވެރިކަމާއި ގުޅިފައިވާ ޙައްޤުތަކާއި ޒިންމާތައްވެސް ނަޤުލުވެގެންދާނެކަން މުޙައްމަދު ޔޫސުފް މޫސާ ވ. ފާޠިމަތު ނާޒިމާ އަދި އިތުރު 3 ފަރާތެއް ގަޒިއްޔާއަށް ބެލުމުން އެނގެއެވެ. ނަތީޖާއަކީ، ކުރީގެ ގ. ގެލީނާ އަދި މިހާރުގެ ގ. ވޭލާވިލާ އެވެ ކިޔާ ގޯއްޗާއި ގުޅިގެން ކުރެވިފައިވާ ކުލީގެ މުޢާމަލާތުގެ ޒިންމާތަކާއި ޙައްޤުތައް މުޙައްމަދު އިބްރާހީމް ދީދީއަށް ނަގުލުވެގެންދިއުމެވެ.

އިސްތިއުނާފުކުރެވޭ ހައިކޯޓުގެ ގަޒިއްޔާގައި އަޒްމިރަލްދާ ސަލީމްއާއި މުޙައްމަދު އިބްރާހީމް ދީދީއާ ދެމެދު ކުރެވުނު ލާޖެއްސުމުގެ އެއްބަސްވުމުގެ 9 ވަނަ މާއްދާއަށް ބެލުމުން، ގ. ވޭލާވިލާ އެވެ ކިޔާ ގޯތީގެ "ސަންޓާނާ ފިހާރަ" ހުރި ތަން ކުއްޔަށް ދީފައިވާކަން މުޙައްމަދު އިބްރާހީމް ދީދީއަށް އެނގޭކަމަށް ފާހަގަކޮށްފައިވެއެވެ. މިތަނަކީ ކުއްޔަށް ދީފައިވާ ތަނެއްކަން އެނގޭކަމަށް މުޙައްމަދު އިބްރާހީމް ދީދީގެ ފަރާތުން ސުޕްރީމް ކޯޓުގައިވެސް ބުނެފައިވެއެވެ. ނަމަވެސް، އިންކާރު ކުރަނީ އެތަނުގެ މިހާރުގެ މިލްކުވެރިޔަކީ މުޙައްމަދު އިބްރާހީމް ދީދީކަމަށްވާތީ، މުޙައްމަދު އިބްރާހީމް ދީދީގެ ނުރުހުމުގައި އެތަން ބޭނުންކުރުމުގެ ޙައްޤު ޢަލީ ރަޝީދުއަށް ލިބިގެންނުވާކަމަށް ބުނެއެވެ.

ކުރިން ފާހަގަކުރެވުނު ފަދައިން، މިހާރުގެ ގ. ވޭލާވިލާ އެވެ ކިޔާ ގޯއްޗާއި ގުޅިގެން ކޮށްފައިވާ ކުއްޔަށް ދިނުމުގެ މުޢާމަލާތްތަކާއި ގުޅިގެން އުފެދޭ ޙައްޤުތަކާއި ޒިންމާތައް އަޒްމިރަލްދާ ސަލީމްއާއި މުޙައްމަދު އިބްރާހީމް ދީދީއާ ދެމެދު ވެވުނު ލާޖެއްސުމުގެ މުޢާމަލާތް ފުރިހަމަވުމާއެކު މުޙައްމަދު އިބްރާހީމް ދީދީއަށް ނަގުލުވާނެއެވެ. އަދި މިގޮތަށް އިލްތިޒާމްތަކާއި ޙައްޤުތައް ނަގުލުވާވުމަކީ، ގޯތީގެ މިލްކުވެރިކަން ބަދަލުވުމުގެ މުޢާމަލާތުގެ ބައެއްކަމަށް ޤާނޫނީ ގޮތުން ބަލަންޖެހޭ ހިނދު، މިލްކުވެރިކަން ބަދަލުވުމަށްފަހު އައު މިލްކުވެރިޔާއަށް ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 13 ވަނަ މާއްދާގެ ދަށުން އެ އެއްބަސްވުން އޭނާއަށް ނަގުލުވެފައިވަނީ އަމިއްލަ އިޚްތިޔާރުގައި ނޫންކަމަށް ބުނެ އެ އެއްބަސްވުން ބާޠިލުވާނެކަމަށް ބުނުމުގެ ފުރުސަތުނެތެވެ. އެހެނީ، ލާޖައްސައިގެން ނުވަތަ ގަނެގެން ކަމުގައިވިޔަސް، މިފަދަ މުޢާމަލާތެއް ހިނގުމުގެ ކުރިއަށް މުދަލާ ގުޅޭ އެންމެހައި މަޢުލޫމާތު ހޯދުމަކީ ނުވަތަ ޑިޔު ޑިލިޖެންސް ހެދުމަކީ، މުޢާމަލާތުގައި ހިމެނޭ ދެފަރާތުންވެސް ކުރަންޖެހޭކަމަކަށްވާތީއެވެ. އެއީ އެ މުދަލާ ގުޅޭ ތިންވަނަ ފަރާތެއްގެ ޙައްޤެއްވާނަމަ، އެ ޙައްޤު އެ މުދަލަކާ ބަނދެވިފައި އޮންނާނެތީއެވެ. އަދި އައު މިލްކުވެރިޔާގެ މައްޗަށް ޤާނޫނީ ގޮތުން އިލްތިޒާމްތަކެއް އުފެދިގެންދާނެތީއެވެ.

ސަންޓާނާ ނަމަކަށް ކިޔާ ފިހާރަ ކުރީގެ ގ. ގެލީނާ ގޯތީގައިވާކަން މުޙައްމަދު އިބްރާހީމް ދީދީއަށް އެނގެއެވެ. އަދި އަޒްމިރަލްދާ ސަލީމްއާއި މުޙައްމަދު އިބްރާހީމް ދީދީއާ ދެމެދުވި ލާޖެއްސުމުގެ އެއްބަސްވުމުގައިވެސް ކުރީގެ ގ. ގެލީނާ ގޯތީގައި ކުއްޔަށް ދީފައިވާ ތަންތަނަށް އިޝާރާތްކޮށްފައިވެއެވެ. ވުމާއެކު، އެފަދަ ކުލީގެ އެއްބަސްވުމެއް ދެމިއޮތީ ކިހައި މުއްދަތަކަށްކަމާއި، އައު ވެރިފަރާތުގެ މައްޗަށް އުފެދޭނެ އިލްތިޒާމްތައް ހޯދައި ދެނެގަތުމަކީ މުޙައްމަދު އިބްރާހީމް ދީދީގެ ޒިންމާއެއްކަމުގައިވާއިރު، މިލްކުވެރިކަން ބަދަލުކުރުމުގެ މުޢާމަލާތް ހިނގައި ނިމޭފަހުން، ކުލީގެ އެއްބަސްވުމުގެ ދަށުން ވެރިފަރާތުން އުފުލަންޖެހޭ އިލްތިޒާމްތަކުން، އައު ވެރިފަރާތަށް ބަރީޢަނުވެވޭނެއެވެ.

ލާޖެއްސުމުގެ އެއްބަސްވުން ސައްޙަކަމަށް ކަނޑައަޅައި ސިވިލް ކޯޓުން ޙުކުމްކުރީ 23 އެޕްރީލް 2018 ގަ އެވެ. ކުލީގެ އެއްބަސްވުމުގެ މުއްދަތު ހަމަވަނީ 31 ޑިސެންބަރު 2021 އަށެވެ. ނަމަވެސް، މިހާރުގެ ގ. ވޭލާވިލާ އެވެ ކިޔާ ގޯއްޗާ ގުޅިގެން ވެފައިވާ ކުލީގެ މުޢާމަލާތް 30 ޑިސެންބަރު 2018 އިން ފެށިގެން ނިމުމަކަށް އަންނާނެކަމަށާއި، އަދި އެތަން ކުއްޔަށް ދީފައިވާ އަގަށްވުރެ މާ ބޮޑު އަގެއް ދެއްކުމަށް މުޙައްމަދު އިބްރާހީމް ދީދީގެ ފަރާތުން ޢަލީ ރަޝީދުއަށް އަންގާފައިވަނީ، ކުލީގެ އެއްބަސްވުމުގެ ދަށުން މުޙައްމަދު އިބްރާހީމް ދީދީގެ މައްޗަށް އޮތް ޒިންމާތަކާއި މަސްއޫލިއްޔަތުތަކާ ޚިލާފަށެވެ. އެހެންގޮތަކަށް ބުނާނަމަ، އަޒްމިރަލްދާ ސަލީމްއާއި ޢަލީ ރަޝީދުއާ ދެމެދު ވެވުނު ކުލީގެ އެއްބަސްވުމުގެ ދަށުން އަޒްމިރަލްދާ ސަލީމް އުފުލަންޖެހޭ އެންމެހައި އިލްތިޒާމްތައް، އެ ގޯތީގެ އައު މިލްކުވެރިޔާ، މުޙައްމަދު އިބްރާހީމް ދީދީއަށް ނަގުލުވެފައިވާއިރު، ސަންޓާނާ ފިހާރަ ހުރި ޢިމާރާތާ ގުޅިގެން އެއްވެސް މުޢާމަލާތެއް މުޙައްމަދު އިބްރާހީމް ދީދީއަށް ކުރެވޭނީ އަޒްމިރަލްދާ ސަލީމްއާއި ޢަލީ ރަޝީދުއާ ދެމެދު ވެވުނު ކުލީގެ އެއްބަސްވުމުގައިވާ ގޮތުގެ މަތިންނެވެ. މިލްކުވެރިކަން ބަދަލުވުމަކުން، އެ އެއްބަސްވުމާ ޚިލާފަށް ޢަމަލެއްނުކުރެވޭނެއެވެ. ނުވަތަ އެ އެއްބަސްވުމުގެ ދަށުން ދެފަރާތަށް ލިބިދެވޭ ޙައްޤުތައް އުވިގެންނުދެއެވެ.

އެހެންކަމުން، ހައިކޯޓުގެ ނަންބަރު 2019/HC-A/399 ގަޒިއްޔާގައި އަޒްމިރަލްދާ ސަލީމްއާއި ޢަލީ ރަޝީދުއާ ދެމެދު ވެފައިވާ ކުލީގެ އެއްބަސްވުމަށް މުޙައްމަދު އިބްރާހީމް ދީދީ އިހުތިރާމް ކުރަންޖެހޭނެކަމަށް ކަނޑައަޅާފައިވަނީ ޤާނޫނީ އުޞޫލުތަކާ އެއްގޮތަށްކަމަށް އަހުރެން ދެކެމެވެ. އަދި މި ނިންމުމަކީ ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 13 ވަނަ މާއްދާއާއި ޤާނޫނުއަސާސީގެ 40 ވަނަ މާއްދާގެ (ހ) އާ ޚިލާފު ނިންމުމެއްކަމުގައި ބަލާނެ ތަނެއް ނެތް ހިނދު، މި ނިންމުމަކީ މިހާރު ސުޕްރީމް ކޯޓުން ޢަމަލުކުރަމުންދާ އުސޫލުތަކާ އެއްގޮތްވާގޮތުގެ މަތިން ނިންމާފައިވާ ނިންމުމެއް ކަމުގައި އަހުރެން ދެކެމެވެ.

ހެކި ހާޒިރުނުކުރުން

ސިވިލް ކޯޓުގެ ނަންބަރު 587/Cv-C/2019 ގަޒިއްޔާގައި ޢަލީ ރަޝީދުގެ ފަރާތުން ހުށަހަޅާފައިވާ ހެކި ހާޒިރުނުކުރުމަށް ސިވިލް ކޯޓުން ނިންމާފައިވަނީ ރަނގަޅަށް ނޫންކަމަށް ހައިކޯޓުން ކަނޑައަޅާފައިވަނީ، ހެކި ހާޒިރުކުރުމާއި ގުޅޭގޮތުން ދިވެހިރާއްޖޭގެ މަތީ މަރުޙަލާގެ ކޯޓުތަކުން ކަނޑައަޅާފައިވާ އުޞޫލުތަކާ ޚިލާފަށްކަމަށް މުޙައްމަދު އިބްރާހީމް ދީދީގެ ފަރާތުން ބުނެފައިވެއެވެ.

ސިވިލް ކޯޓުގެ ގަޒިއްޔާގައި ޢަލީ ރަޝީދުގެ ފަރާތުން އަޒްމިރަލްދާ ސަލީމް ހެއްކެއްގެ ގޮތުގައި ހާޒިރުކޮށްދިނުމަށް އެދިފައިވެއެވެ. އަދި އެފަރާތުގެ ކިބައިން ސާބިތުކުރުމަށް ބޭނުންވާ ކަމަކީ ޢަލީ ރަޝީދުއާއި އަޒްމިރަލްދާ ސަލީމްއާ ދެމެދު ގ. ގެލީނާ އެވެ ކިޔާ ގޯއްޗާއި މ. ވޭލާވިލާ އެވެ ކިޔާ ގޯތި ލާޖެއްސިއިރު ވެފައިވާ އެއްބަސްވުމުގައި ނެތްނަމަވެސް، އަޒްމިރަލްދާ ސަލީމް ޝަރުޠެއްކުރިކަމަށާއި، އެ ޝަރުތަށް މުޙައްމަދު އިބްރާހީމްދީދީގެ ފަރާތުން އެއްބަސްވެފައިވާކަން ސާބިތުކޮށްދިނުމުގެ ގޮތުންކަމަށް ބުނެފައިވެއެވެ. މިކަން ސިވިލް ކޯޓުގެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

ސިވިލް ކޯޓުން އަޒްމިރަލްދާ ސަލީމް ހާޒިރުނުކުރި ސަބަބެއްކަމުގައި ފާހަގަކޮށްފައިވަނީ މުޙައްމަދު އިބްރާހީމްދީދީ އާއި އަޒްމިރަލްދާ ސަލީމްއާ ދެމެދު ވެފައިވާ ލާޖެއްސުމުގެ އެއްބަސްވުމުގެ 18 ވަނަ މާއްދާއާއި 19 ވަނަ މާއްދާއަށް ބެލުމުން މި އެއްބަސްވުމުގައި އެދެފަރާތުން ސޮއިކުރުމާ ހަމައަށް، އެދެފަރާތުގެ ދެމެދުގައި އެއްބަސްވުމުގައި ބަޔާންވެގެންވާ ކަމެއްގެ މައްޗަށް އިތުރު އެއްބަސްވުމެއް ވެފައިނުވާކަމަށް ބަލަންޖެހޭކަމަށާއި، އަދި އެއްބަސްވުމަށް އެއްވެސް ބަދަލެއް ގެނެވޭނީ އެއްބަސްވުމުގެ ބައިވެރިން ސޮއިކުރާ ލިޔުމަކުންކަމަށް އެއްބަސްވުމުގެ 23 ވަނަ މާއްދާގައި ބަޔާންކޮށްފައިވާއިރު، އެފަދަ ލިޔުމެއް ހުށަހަޅާފައިނުވާތީއާއި، އަދި އަޒްމިރަލްދާ ސަލީމްގެ ހެކިބަސް ނެގި ނަމަވެސް، އެ ހެކިބަހަކީ އަޒްމިރަލްދާ ސަލީމްގެ ބަހަށް އެކަނި ބުރަވެ، ޝަރީޢަތުގައި ވަކިކަމެއް ސާބިތުކޮށްދެވޭފަދަ ހެކިބަހަކަށް ނުފުދޭތީއާއި، އަޒްމިރަލްދާ ސަލީމް އޭނާގެ މާލީ މަސްލަޙަތާއި ތަޢާޤުދީ މަސްއޫލިއްޔަތު (contractual liability) އިން ބަރީޢަވުމާ އެއްކޮޅަށް، އޭނާގެ އަމިއްލަ މަސްލަޙަތު ހިމެނޭ ކަމެއްގައި ދޭ އެފަދަ ހެކިބަހަކީ އެ މައްޗަށް ޝަރީޢަތުން ބުރަދަންދެވިދާނެ ބަހަކަށްނުވާތީކަމަށް ބުނެއެވެ.

މިކަމާ ގުޅިގެން ހައިކޯޓުގެ ރިޕޯޓުގައި ބުނެފައިވަނީ އަޒްމިރަލްދާ ސަލީމްގެ ހެކިބަސް ނުނެގުމަށް ދަށު ކޯޓުން ނިންމި މައިގަނޑު ސަބަބަކީ ލާޖެއްސުމުގެ އެއްބަސްވުމަށް ބަދަލެއް ގެނެވިދާނެފަދަ ހެކިބަހަކަށް އަޒްމިރަލްދާ ސަލީމްގެ ހެކިބަސް ނުވާނެކަމަށް ދަށު ކޯޓަށް ޤަބޫލުކުރެވުން ކަމުގައިވާއިރު، އެ އެއްބަސްވުމަކީ ލާޖެއްސުމުގެ ސަބަބުން ގެއެއްގެ މިލްކުވެރިކަން ބަދަލުވާ އެއްބަސްވުމަކަށްވެފައި، އަދި އެ އެއްބަސްވުމުގެ ދަށުން، ދަށު ކޯޓުގެ ވަކި ގަޒިއްޔާއެއްގައި ގޯތި ލާޖައްސައި މިލްކުވެރިކަން ބަދަލުކޮށްފައިވާކަން އެނގެން އޮތުމުން، އެކަމުގެ މައްޗަށް ހެކިބަހުން އަސަރުނުކުރާނެކަން ސާފުކޮށް އެނގެން އޮންނަކަމަށެވެ. އެހެންގޮތަކަށް ބުނާނަމަ، ދަށު ކޯޓުގެ މި ސަބަބު ރަނގަޅުކަމަށް ހައިކޯޓުން ކަނޑައަޅާފައިވެއެވެ.

ދަށު ކޯޓުން އަޒްމިރަލްދާ ސަލީމްގެ ހެކިބަސް ނުނަގަން ނިންމި ދެވަނަ ސަބަބު ބިނާވަނީ މި މައްސަލައަކީ އަޒްމިރަލްދާ ސަލީމްގެ އަމިއްލަ މަސްލަހަތު ހިމެނޭ މައްސަލައެއް ކަމުގައިވާއިރު، އެފަދަ ހެކިބަހަކީ އެ މައްޗަށް ޝަރީޢަތުން ބުރަދަންދެވިދާނެ ބަހަކަށްނުވާކަމުގެ މައްޗަށެވެ.

މި ނުކުތާއާ ގުޅިގެން ހައިކޯޓުން ބުނެފައިވަނީ ހެކިވެރިޔާގެ މަސްލަހަތު ފުށުއަރާ ކަންކަމުގައިވެސް ހެކިބަހަށް ބާރުދޭ އިތުރު ހުއްޖަތާއި ގަރީނާ ހުރެއްޖެނަމަ، އެފަދަ ހެކިބަހެއް ކޯޓުން ބަލައިގަނެ ވަޒަންކުރެވިދާނެކަމަށާއި، އެފަދަ ހެކިބަހެއް ވަޒަންކުރުމުގައި މިނިވަން ހެއްކެއްގެ ހެކިބަހަށް ދެވޭ ބުރަދަން ނުދެވުނުކަމުގައިވިޔަސް ގަރީނާއެއްގެ ނަމަވެސް ބުރަދަން ދެވިދާނެކަމަށް މީގެ ކުރިން ކޯޓުތަކުން ނިންމާފައިވާކަމަށެވެ. އަދި ހުށަހެޅިފައިމިވާ މައްސަލައިގައި މަސްލަހަތު ފުށުއަރާކަމަށްބުނެ އަޒްމިރަލްދާ ސަލީމްގެ ހެކިބަސް ނުނެގޭނެކަމަށް ނިންމި ނިންމުމަކީ މި އުސޫލާ އެއްގޮތަށް ނިންމާފައިވާ ނިންމުމެއް ނޫންކަމަށެވެ.

އަޒްމިރަލްދާ ސަލީމްގެ ހެކިބަސް ނެގުމާ ގުޅިގެން ހައިކޯޓުގެ ނިންމުން ޤާނޫނާ ޚިލާފުވަނީ ކިހިނެތްކަމެއް މުޙައްމަދު އިބްރާހީމް ދީދީއަށް ބުނެދެވިފައިނުވެއެވެ. ދަށު ކޯޓުން މަސްލަހަތު ފުށުއަރާ ހެކިންގެ ހެކިބަސް ނުނެގޭނެކަމަށް ބަޔާންކޮށްފައި އޮތް އޮތުމަކީ ޤާނޫނީ އުސޫލުތަކާ އެއްގޮތަށް ފާހަގަކޮށްފައިވާކަމެއް ނޫންކަމަށް ހައިކޯޓު ޙުކުމުގައިވެއެވެ. ނަމަވެސް ހައިކޯޓު ޙުކުމުގައި މި މައްސަލައިގައި ގޮތެއް ކަނޑައެޅުމަށްޓަކައި އަޒްމިރަލްދާ ސަލީމްގެ ހެކިބަސް ނަގަންޖެހޭކަމަށް ކަނޑއަޅާފައިނުވެއެވެ.

އަދި މުޅި މައްސަލައަށް ބަލާއިރު، މިހާރުގެ ގ. ވޭލާވިލާ އެވެ ކިޔާ ގޯތީގައި ދެބުރިއަށް ހަދާފައިވާ ޢިމާރާތް (ސަންޓާނާ ފިހާރަ) ހުރީ ފިހާރައެއް ހިންގުމަށްޓަކައި އެ ގޯތީގެ މިލްކުވެރިކަން މުޙައްމަދު އިބްރާހީމް ދީދީގެ ނަމަށް ބަދަލުވުމުގެ ކުރިންވެސް ކުއްޔަށް ދީފައިކަމުގައިވާއިރު، އަދި އެ ތަނަކީ ކުއްޔަށް ދީފައިހުރި ތަނެއްކަން މުޙައްމަދު އިބްރާހީމް ދީދީއަށްވެސް އެނގޭހިނދު، މުދަލެއްގެ މިލްކުވެރިކަން ބަދަލުވުމަކީ އެ މުދަލެއްގެ މައްޗަށް އޮތް ތިންވަނަ ފަރާތެއްގެ ޙައްޤެއް ގެއްލިގެންދާ ފަދަ ސަބަބެއްނޫނެވެ.

އިސްވެ ބަޔާންވެދިޔަ ސަބަބުތައް އެގޮތުގެ މަތިންހުރުމާއެކު، ހައިކޯޓުގެ ނަންބަރު 2019/HC-A/399 ގަޒިއްޔާގައި ނިންމާފައިވާ ނިންމުމަށް ބަދަލު ގެންނަންޖެހޭ ފަދަ ސަބަބެއް މުޙައްމަދު އިބްރާހީމް ދީދީއަށް ހުށަހެޅިފައިނުވެއެވެ.

ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުގެ ރައުޔުމި މައްސަލައިގައި ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރައުޔުމި މައްސަލައިގައި ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

ޙުކުމް

ދެންފަހެ، އިސްވެ ބަޔާންކުރެވުނު ސަބަބުތައް އެހެން ހުރުމާއެކު، ގ. ވޭލާވިލާ، މުޙައްމަދު އިބްރާހީމް ދީދީގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2019/HC-A/399 ގަޒިއްޔާ އިސްތިއުނާފުކުރަމުން ހުށަހަޅާފައިވާ ނުކުތާތަކުގެ މައްޗަށް ބިނާކޮށް، އެ ގަޒިއްޔާގައި ކޮށްފައިވާ ޙުކުމަށް ބަދަލު ގެންނަންޖެހޭ ފަދަ ސަބަބެއް ނެތްކަމަށް، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން މި މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި، ޙުކުމްކޮށްފީމެވެ.

މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ:

މަޙާޒު ޢަލީ ޒާހިރުއަޒްމިރާލްދާ ޒާހިރުޙުސްނުއްސުޢޫދު(ރިޔާސަތު)

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ޝެއަރ ކުރައްވާ