ގްލޯބަލް ޕްރޮޖެކްޓްސް ޑިވެލޮޕްމަންޓް ޕްރައިވެޓް ލިމިޓެޑް ވ. މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް
ޚުލާޞާ
ޚުލާޞާ ނެތް.
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- —
- ފަހުގެ ތާރީޚު
- —
ނިންމުން
—
ކޯ ޓާމްސް
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
މި ލިޔުމުން އުޞޫލެއް ނުނެގުނު.
ފަނޑިޔާރުން
- ބެންޗު
- —
- ޚިލާފު ރައުޔު
- ނެތް
ޝަރީޢަތުގެ ވީޑިއޯ
ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު
2021/SC-A/45
ޝަރީޢަތް ނިމުނުގޮތް
ގްލޯބަލް ޕްރޮޖެކްޓްސް ޑިވެލޮޕްމަންޓް ޕްރައިވެޓް ލިމިޓެޑް ވ މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް
ފަނޑިޔާރުންގެ މަޖިލިސް
ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންނިމުނު ތާރީޚު
15 މެއި 2022އިސްތިއުނާފު ކުރެވުނު ޤަޟިއްޔާ
2017/HC-A/451
އިސްތިއުނާފު ރައްދުވާ ފަރާތް
އިސްތިއުނާފުކުރާ ފަރާތް
މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް
ގްލޯބަލް ޕްރޮޖެކްޓްސް ޑިވެލޮޕްމަންޓް ޕްރައިވެޓް ލިމިޓެޑް
ޤާނޫނީ ވަކީލު: މުޙައްމަދު ޝަހުދީ އަންވަރު، އެސް އެންޑް އޭ ލޯޔަރސް އެލް.އެލް.ޕީ
ޙުސައިން ސިރާޖު
ޤާނޫނީ ވަކީލު: ޝާހީން ޙަމީދު
ޢާއިޝަތު ޝިފާލާ
މަދަނީ - އެއްބަސްވުމާމެދު ޚިލާފުވުން އުފެދުން - ފޯސްމެޖުއަރގެ ހާލަތެއް އޮތުން އަދި އޭގެ މަންފާ ލިބުން - ޕްރޮމިސަރީ އެސްޓޮޕަލްގެ މަބްދަޢު ތަޠުބީޤުކުރެވޭނެ ހާލަތްތައް - އެއްބަސްވުމުގެ ދަށުން ލިކުއިޑޭޓަޑް ޑެމެޖަސް ލިބިގަތުމުގެ ޙައްޤު އުފަންވާ ހިސާބު
ގްލޯބަލް ޕްރޮޖެކްޓްސް ޑިވެލޮޕްމަންޓް ޕްރައިވެޓް ލިމިޓެޑް ވ މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް
ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔު (ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރު އަދި ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިން ތާއީދު ކުރައްވާފައި)
ތަޢާރުފު
މިއީ، ގްލޯބަލް ޕްރޮޖެކްޓްސް ޑިވެލޮޕްމަންޓް ޕްރައިވެޓް ލިމިޓެޑް (ރަޖިސްޓްރީ ނަންބަރު C-0323/2010) (މީގެފަހުން "ޖީ.ޕީ.ޑީ" ނުވަތަ "އިސްތިއުނާފު ކުރާ ފަރާތް") ފަރާތުން މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (ރަޖިސްޓްރީ ނަންބަރު C-67/95) (މީގެފަހުން "އެމް.ޑަބްލިއު.އެސް.ސީ" ނުވަތަ "އިސްތިއުނާފު ރައްދުވާ ފަރާތް") ގެ މައްޗަށް ރައްދުވާގޮތަށް، ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅި އެ ކޯޓުގެ ނަންބަރު 2017/HC-A/451 ޤަޟިއްޔާ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރުމުން ބެލުނު މައްސަލައެކެވެ.
ކަންހިނގާފައިވާ ގޮތްއެމް.ޑަބްލިއު.އެސް.ސީ އާއި ޖީ.ޕީ.ޑީ އާދެމެދު 09 އޮކްޓޫބަރު 2011 ގައި ލޭންޑް ރިކްލަމޭޝަން އެއްބަސްވުމެއް (މީގެފަހުން "އެއްބަސްވުން") ވެފައިވެއެވެ. އަދި މި އެއްބަސްވުން 5 (ފަހެއް) ފަހަރެއްގެ މަތިން އިސްލާހުކޮށްފައެވެ. އެގޮތުން، 11 ޑިސެންބަރު 2011 ގައި އެއްބަސްވުމުގެ ފުރަތަމަ އިސްލާހު؛ 7 މެއި 2012 ގައި އެއްބަސްވުމުގެ ދެވަނަ އިސްލާހު؛ 23 ސެޕްޓެންބަރު 2012 ގައި އެއްބަސްވުމުގެ ތިންވަނަ އިސްލާހު؛ 6 ޑިސެންބަރު 2012 ގައި އެއްބަސްވުމުގެ ހަތަރުވަނަ އިސްލާހު؛ އަދި 14 މާރިޗު 2013 ގައި، އެއްބަސްވުމުގެ ފަސްވަނަ އިސްލާހުގައި އެއްބަސްވުމުގެ ބައިވެރިން ސޮއިކޮށްފައިވެއެވެ.
އެއްބަސްވުމުގައި ބަޔާންކޮށްފައިވާ މަސައްކަތް ނިންމުމަށް ދެފަރާތުން އެއްބަސްވެފައިވަނީ31 މާރިޗު 2013 އަށެވެ. އެހެންނަމަވެސް، މަސައްކަތް ނިމިއްޖެ ކަމުގައި ބުނެ އެކަން ޖީ.ޕީ.ޑީއިން އެމް.ޑަބްލިއު.އެސް.ސީއަށް އަންގާފައިވަނީ 1 ޖޫން 2013 ގައެވެ. އަދި "ޕްރޮޖެކްޓް ކޮމްޕްލީޝަން ސެޓްފިކެޓް" ގައި ދެފަރާތުން ސޮއިކޮށްފައިވަނީ 24 ސެޕްޓެންބަރު 2013 ގައެވެ.
އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ތާރީޚަށް ޖީ.ޕީ.ޑީއިން ގުޅީފަޅުން 6.25 (ހައެއް ޕޮއިންޓް ދޭއް ފަހެއް) ހެކްޓަރުގެ ބިން ހިއްކާ ތޮށިލުމުގެ މަސައްކަތް ނިންމާ ޙަވާލުކޮށްފައިނުވާ ކަމުގައި ބުނެ، އެއްބަސްވުމުގެ 13 ވަނަ މާއްދާގެ ދަށުން ލިބެންޖެހޭ ލިކުއިޑޭޓަޑް ޑެމެޖެސް ހޯދުމަށްޓަކައި އެމް.ޑަބްލިއު.އެސް.ސީގެ ނަންބަރު 1600000251 އިންވޮއިސް (މީގެ ފަހުން "އިންވޮއިސް") ޖީ.ޕީ.ޑީއަށް ފޮނުވިއެވެ.
ސިވިލް ކޯޓު މަރުހަލާބުނެވުނު އިންވޮއިސްގައިވާ US$3,105,941/61 (ތިންމިލިއަން އެއްލައްކަ ފަސްހާސް ނުވަސަތޭކަ ސާޅީސްއެއް އެމެރިކާ ޑޮލަރު / ފަސްދޮޅަސްއެއް ސެންޓް) އާއި އެ އިންވޮއިސްގައި ފައިސާ ދައްކައި ޚަލާޞްކުރުމަށް ކަނޑައަޅާފައިވާ މުއްދަތުގައި ފައިސާ ދައްކާފައި ނުވުމުން، އިންވޮއިސްގައި ފައިސާ ދައްކައި ޚަލާޞްކުރުމަށް ކަނޑައަޅާފައިވާ ތާރީޚުން ފެށިގެން ޝަރީޢަތް ނިމެންދެން ކޮންމެ ދުވަހަކަށް 0.5% (ސުމެއް ޕޮއިންޓް ފަހެއް އިންސައްތަ) ގެ ރޭޓުން ޖޫރިމަނާ ފައިސާ ހޯދުމަށް އެދި، އެމް.ޑަބްލިއު.އެސް.ސީއިން ޖީ.ޕީ.ޑީގެ މައްޗަށް ސިވިލް ކޯޓުގައި ދަޢުވާކުރިއެވެ.
ސިވިލް ކޯޓުގެ ނަންބަރު 1348/Cv-C/2016 ޤަޟިއްޔާއިން ބެލުނު އެ މައްސަލައިގައި ސިވިލް ކޯޓުން ޙުކުމްކޮށްފައިވަނީ އެއްބަސްވުމުގެ 13 ވަނަ މާއްދާގެ ދަށުން އެމް.ޑަބްލިއު.އެސް.ސީއަށް ލިކިއުޑޭޓަޑް ޑެމެޖެސްގެ ގޮތުގައި ލިބެންޖެހޭ ފައިސާއިން އެ ކުންފުނިން ޖީ.ޕީ.ޑީއަށް ދައްކަންޖެހޭ ފައިސާ އުނިކުރުމުން ބާކީ އޮންނަ، US$2,476,252/48 (ދެ މިލިޔަން ހަތަރުލައްކަ ހަތްދިހަހަހާސް ދުއިސައްތަ ފަންސާސް ދެ އެމެރިކާ ޑޮލަރު / ސާޅީސްއަށް ސެންޓް) އަކީ އެމް.ޑަބްލިއު.އެސް.ސީއަށް ލިބެންޖެހޭ ފައިސާކަމުގައި ކަނޑައަޅައި، އެ ފައިސާ 27 އޮގަސްޓް 2017 އިން ފެށިގެން ކޮންމެ މަހަކު މަދުވެގެން އެ މަހަކަށް ޖެހޭ މިންވަރު، ސިވިލް ކޯޓަށް ދައްކައި 6 (ހައެއް) މަސްދުވަހުގެ ތެރޭގައި ޚަލާޞްކުރުމަށް ޖީ.ޕީ.ޑީއަށް އަންގައެވެ.
ސިވިލް ކޯޓުން މިފަދައިން ނިންމާފައިވަނީ އަންނަނިވި ކަންކަމުގެ މައްޗަށް ބިނާކޮށްގެންކަން އެ މައްސަލައިގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށް ބެލުމުން އެނގެން އޮވެއެވެ.
އެއްބަސްވުމަށް ގެނެވުނު އެކި އިސްލާހުތަކުގައި މަސައްކަތްކޮށް ނިންމުމަށް ކަނޑައަޅާފައިވާ ތާރީޚް ދެނެގަތުމަށް އިތުރު މިންގަނޑެއް ހިމަނާފައިނުވާތީ، މަސައްކަތްކޮށް ނިންމި ތާރީޚް ދެނެގަތުމަށް ޝަރީޢަތުން ރިޢާޔަތްކުރަންޖެހޭނީ އެއްބަސްވެފައިވާ ފަދައިން ޕްރޮޖެކްޓް ކޮމްޕްލީޝަން ސަރޓިފިކެޓްގައިވާ ތާރީޚްގެ މައްޗަށްކަމާއި، މިގޮތުން އެއްބަސްވުމުގެ ދަށުން ފުރިހަމަކުރަންޖެހޭ މަސައްކަތްތައް ފުރިހަމަކޮށް ހިއްކާފައިވާ ބިން އެމް.ޑަބްލިއު.އެސް.ސީއާ ހަވާލުކޮށްފައިވަނީ24 ސެޕްޓެންބަރު 2013 ގައިކަން ޕްރޮޖެކްޓް ކޮމްޕްލީޝަން ސަރޓިފިކެޓުން އެނގެން އޮންނަކަން؛
އެއްބަސްވުމުގެ ދަށުން ހަވާލުކުރެވުނު މަސައްކަތް ނިންމުމަށް އޮތް ތާރީޚަށް ބަދަލުތަކެއް ގެނެސްފައިވާހިނދު، އެއްބަސްވުމުގެ މުއްދަތުގައި ރާއްޖޭގެ މޫސުމަށް އާދަޔާ ޚިލާފު ބަދަލުތަކެއް އައިސްފައިނުވާތީ، އާދައިގެ މަތިން އަންނަ މޫސުމީ ބަދަލުތަކަކީ އެއްބަސްވެފައިވާ މުއްދަތަށް މަސައްކަތް ނުނިންމަން އޮތް ސަބަބެއްކަމަށް ޝަރީޢަތަށް ބުރަވެވެން ނެތްކަން؛
އެއްބަސްވުމަށް ގެނެވިފައިވާ އެކި އސްލާހުތަކާއެކު، އެއްބަސްވުމުގެ ދަށުން ފުރިހަމަކުރަންޖެހޭ މަސައްކަތްތައް ފުރިހަމަކޮށް ލަސްވެގެން 31 މާރިޗު 2013 ގެ ނިޔަލަށް ހިއްކާފައިވާ ބިން ޙަވާލުކުރަންޖެހޭއިރު، އެއްބަސްވެފައިވާ ފަދައިން އެ ބިން ހަވާލުކޮށްފައިނުވާތީ، އެއްބަސްވުމުގެ 13 ވަނަ މާއްދާއަށް ރިޢާޔަތްކޮށް، ލަސްވެދިޔަ މުއްދަތުގެ މައްޗަށް ބިނާކޮށް ޖީ.ޕީ.ޑީއިން ލިކުއިޑޭޓަޑް ޑެމެޖެސް ދައްކަންޖެހޭކަން؛
ލިކުއިޑޭޓަޑް ޑެމެޖެސް ލިބުމުގެ ޙައްޤު އުފަންވެފައިވަނީ މަސައްކަތް ނިންމުމަށް އެއްބަސްވެފައިވާ ތާރީޚް ފަހަނައަޅާ ދިޔުމުންކަމުން، އަދި ޖީ.ޕީ.ޑީއިން ހަވާލާދީފައިވާ އެއްބަސްވުމުގެ 8 ވަނަ މާއްދާގެ (f) ގައިވާ ފައިސާއަކީ ޑިފެކްސް ލައިބިލިޓީ ޕީރިއަޑް ނިމުމުން އެމް.ޑަބްލިއު.އެސް.ސީއިން ދައްކަންޖެހޭ ފައިސާއެއް ކަމުގައިވާތީ، މި ފައިސާ ދެއްކުމަށް އޮތް ތާރީޚުގެ ކުރިން ލިކުއިޑޭޓަޑް ޑެމެޖެސް ލިބުމުގެ ޙައްޤު އެމް.ޑަބްލިއު.އެސް.ސީއަށް އުފަންވެފައިވާކަމާއި، މި ޙައްޤު އުފަންވުމުގެ ކުރިން އެމް.ޑަބްލިއު.އެސް.ސީއިން އެއްބަސްވުމުގެ ދަށުން އެހިނދާ ހަމައަށް ދައްކަންޖެހޭ އެންމެހާ ފައިސާ ދައްކާފައިވާކަން، މައްސަލައިގައި ހުށަހެޅިފައިވާ ލިޔެކިޔުމުން އެނގޭކަން؛
އެއްބަސްވުމުގެ 13 ވަނަ މާއްދާއާ އެއްގޮތަށް ލިކުއިޑޭޓަޑް ޑެމެޖެސްގެ ފައިސާ ހިސާބުކުރުމުން އެކު ޖުމްލަ US$3,105,941/61 (ތިންމިލިއަން އެއްލައްކަ ފަސްހާސް ނުވަސަތޭކަ ސާޅީސްއެއް އެމެރިކާ ޑޮލަރު / ފަސްދޮޅަސްއެއް ސެންޓް) އަރާފައިވާ ހިނދު، އެއްބަސްވުމުގެ 8 ވަނަ މާއްދާގެ (f) ދަށުން އެމް.ޑަބްލިއު.އެސް.ސީގެ ފަރާތުން ދައްކަންޖެހެނީ US$629,689/13 (ހަލައްކަ ނަވާވީސްހާސް ހަސަތޭކަ އަށްޑިހަ ނުވަ އެމެރިކާ ޑޮލަރު / ތޭރަ ސެންޓް) ކަމުން، އެމް.ޑަބްލިއު.އެސް.ސީއަށް ލިބުމަށް ޙައްޤުވަނީ، US$2,476,252/48 (ދެ މިލިޔަން ހަތަރުލައްކަ ހަތްދިހަހަހާސް ދުއިސައްތަ ފަންސާސްދެ އެމެރިކާ ޑޮލަރު / ސާޅީސްއަށް ސެންޓް) ކަން އެމް.ޑަބްލިއު.އެސް.ސީގެ ނަންބަރު MWSC-20/2014/2546 (11 ޖޫން 2014) ސިޓީން އެނގެން އޮންކަން؛
އެއްބަސްވުމުގެ 8 ވަނަ މާއްދާގެ (f) ގެ ދަށުން އެމް.ޑަބްލިއު.އެސް.ސީއިން ދައްކަންޖެހޭ ފައިސާ ދެއްކުމެއްނެތި، ޖުމްލަ ލިކުއިޑޭޓަޑް ޑެމެޖެސްގެ ފައިސާ ހޯދުމަށް އެދި ފޮނުވާފައިވާ އިންވޮއިސްގެ ދަށުން ޖޫރިމަނާ ފައިސާ ނަގައިދިނުމަކީ ޢަދުލުވެރި ކަމެއްކަމުގައި ނުވާތީ، އެ އިންވޮއިސްގައިވާ ޖޫރިމަނާ ފައިސާ އެކުގައި ނަގައިދެވެން ނެތްކަން؛
އިންވޮއިސްގައިވާ ޖުމަލް ފައިސާގެ ތެރެއިން އެމް.ޑަބްލިއު.އެސް.ސީއިން ދައްކަންޖެހޭ US$629,689/13 (ހަލައްކަ ނަވާވީސްހާސް ހަސަތޭކަ އަށްޑިހަ ނުވަ އެމެރިކާ ޑޮލަރު / ތޭރަ ސެންޓް) އުނިކުރަންޖެހޭ ކަމަށާއި، މި އަދަދު އުނިކުރުމުން ބާކީ އޮންނަ US$2,476,252/48 (ދެ މިލިޔަން ހަތަރުލައްކަ ހަތްދިހަހަހާސް ދުއިސައްތަ ފަންސާސްދެ އެމެރިކާ ޑޮލަރު / ސާޅީސްއަށް ސެންޓް) އަކީ އެމް.ޑަބްލިއު.އެސް.ސީއަށް ލިބުމަށް ޙައްޤުވާ ފައިސާގެ ޢަދަދުކަމަށް ޝަރީޢަތަށް ބުރަވެވޭކަން.
ދިވެހިރާއްޖޭގެ ހައިކޯޓު މަރުހަލާސިވިލް ކޯޓުގެ ނިންމުން ޖީ.ޕީ.ޑީގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން، އެ ކޯޓުގެ ނަންބަރު 2017/HC-A/451 ޤަޟިއްޔާއިން މައްސަލަ ބަލައި ޙުކުމް ކޮށްފައިވަނީ، ސިވިލް ކޯޓުގެ ނަންބަރު 1348/Cv-C/2016 ޤަޟިއްޔާގެ ޙުކުމަށް ބަދަލު ގެންނަންޖެހޭ ޝަރުޢީ އަދި ޤާނޫނީ ހަމައެއް ނެތްކަމަށް ހައިކޯޓުގައި މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި، ސިވިލް ކޯޓުގެ ޤަޟިއްޔާގެ ޙުކުމަށް ތާއިދުކޮށެވެ.
އިސްވެ ބަޔާންކޮށްފައިވާ ގޮތަށް ހައިކޯޓުން ނިންމާފައިވަނީ އަންނަނިވި ސަބަބުތަކުގެ މައްޗަށް ބިނާކޮށްކަން އެ ކޯޓުގެ ނަންބަރު2017/HC-A/451 ޤަޟިއްޔާ ނިމުނުގޮތުގެ ރިޕޯޓުން އެނގެން އޮވެއެވެ.
އެއްބަސްވުމުގެ ދަށުން ހަވާލުކުރެވުނު މަސައްކަތް ނިމުނު ތާރީޚު ކަމުގައި ބަލަންޖެހެނީ ކޮމްޕްލީޝަން ސެޓްފިކެޓްގައިވާ ފަދައިން 24 ސެޕްޓެންބަރު 2013 އަށްކަން؛
ފޯސް މެޖުއަރގެ ޙާލަތެއް މެދުވެރިވިކަމާއި، އޭގެ ސަބަބުން މަސައްކަތް ޓާގެޓް ކޮމްޕްލީޝަން ޑޭޓަށް ނިންމެން ނެތްކަން ޖީ.ޕީ.ޑީއިން އެގްރީމެންޓުގައިވާ ފަދައިން އެމް.ޑަބްލިއު.އެސް.ސީއަށް އަންގާފައިވާކަން އެނގެން ނެތްކަމަށާއި،01 ޖޫން 2013 ގައި މަސައްކަތް ނިމުނުކަމަށް ބުނެ ޖީ.ޕީ.ޑީއިން ފޮނުވި ސިޓީގައިވެސް ފޯސް މެޖުއަރގެ ވާހަކަ ބަޔާންކޮށްފައި ނެތި، އެމް.ޑަބްލިއު.އެސް.ސީއިން ލިކުއިޑޭޓް ނުވަތަ ޑިލޭ ޑެމޭޖެސް ހޯދުމަށް ދަޢުވާކުރުމުން، ފޯސް މެޖުއަރގެ ވާހަކަ ބަޔާންކުރުމަކީ ލިކުއިޑޭޓް ނުވަތަ ޑިލޭ ޑެމޭޖެސް ހޯދުމަށް އޮތް ހުރަހެއް ނޫންކަން؛
އެއްބަސްވުމުގެ 13 ވަނަ މާއްދާގެ ދަށުން މަސައްކަތް ނިންމަންވާ ތާރީޚަށް ނުނިމިވާނަމަ، ޓާގެޓް ކޮމްޕްލީޝަން ޑޭޓުން ފެށިގެން 03 (ތިނެއް) މަސްދުވަހުގެ ނިޔަލަށް، ކޮންމެ ދުވަހަކަށް ކޮންޓްރެކްޓުގެ ޖުމްލަ އަގުގެ %0.5 (ސުމެއް ޕޮއިން ފަހެއް އިންސައްތަ) ގެ ރޭޓުން ލިކުއިޑޭޓަޑް ޑެމެޖެސް ލިބިގަތުމުގެ ޙައްޤު އެމް.ޑަބްލިއު.އެސް.ސީއަށް ލިބިގެންވާކަން؛
އެއްބަސްވުމުގެ 13 ވަނަ މާއްދާއާ އެއްގޮތަށް ލިކުއިޑޭޓަޑް ޑެމެޖެސްގެ ފައިސާ ހިސާބުކުރުމުން އެކު ޖުމްލަ US$3,105,941/61 (ތިންމިލިއަން އެއްލައްކަ ފަސްހާސް ނުވަސަތޭކަ ސާޅީސްއެއް އެމެރިކާ ޑޮލަރު / ފަސްދޮޅަސްއެއް ސެންޓް) އަރާފައިވާ ހިނދު، އެ އަދަދުން އެއްބަސްވުމުގެ 8 ވަނަ މާއްދާގެ (f) ދަށުން އެމް.ޑަބްލިއު.އެސް.ސީއިން ދައްކަންޖެހޭ US$629,689/13 (ހަލައްކަ ނަވާވީސްހާސް ހަސަތޭކަ އަށްޑިހަ ނުވަ އެމެރިކާ ޑޮލަރު / ތޭރަ ސެންޓް) އުނިކުރަންޖެހޭ ކަމަށާއި، މި އުނިއިތުރު ގެނައުމުން ބާކީ ދައްކަންޖެހޭ އަދަދެއްގެ ގޮތުގައި އޮންނަނީ US$2,476,252/48 (ދެ މިލިޔަން ހަތަރުލައްކަ ހަތްދިހަހަހާސް ދުއިސައްތަ ފަންސާސްދެ އެމެރިކާ ޑޮލަރު / ސާޅީސްއަށް ސެންޓް) ކަން؛ އަދި
އެމް.ޑަބްލިއު.އެސް.ސީއިން ޖީ.ޕީ.ޑީއަށް 04 ނޮވެންބަރު 2013 ގައި ފޮނުވާފައިވާ އީމެއިލްގައި ބަޔާންކޮށްފައިވަނީ މަސައްކަތް ނުނިމި ލަސްވެފައިވާ ދުވަސްތައް ފައިނަލައިޒް ކުރުމަށްޓަކައި ފޯސް މެޖުއަރއަށް ފެތޭ ކްލެއިމެއް އޮތް ނަމަ އޭގެ ތަފުސީލު ހިއްސާކުރުމަށް ކަމަށާއި، އެފަދަ ތަފުސީލީ ކުލެއިމެއް ލިބުމަށްފަހު ލިކުއިޑޭޓަޑް ޑެމެޖެސްއާ މެދު ގޮތެއް ކަނޑައަޅާ އެކަން އަންގާނެކަމަށް ކަމުގައިވުމުން، އެއީ ވަޢުދެއް ވެފައިވަނީ ކަމަށް ބެލެވިދާނެ ހަމައެއް ނޫންކަމުގައިވާތީ، މި ޤަޟިއްޔާގެ ވަޤާއިޢުތަކުގެ މައްޗަށް ޕްރޮމިސަރީ އެސްޓޮޕެލްގެ މަފްހޫމް ތަޠުބީޤުކުރެވިދާނެ ޤާނޫނީ ހަމައެއް ނެތްކަން.
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފައިވާ ނުކުތާތަކާއި އެ ނުކުތާތަކަށް ދީފައިވާ ރައްދުދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2017/HC-A/451 ޤަޟިއްޔާ ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުސޫލުތަކާ ޚިލާފަށް ކަމަށްބުނެ، އެ ޤަޟިއްޔާ އިސްތިއުނާފުކުރުމަށް އެދި ޖީ.ޕީ.ޑީގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް މައިގަނޑު 5 (ފަހެއް) ސަބަބެއް ހުށަހަޅާފައިވެއެވެ. އެއީ:
ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ 43 ވަނަ ޕެރެގްރާފުގައި، ޖީ.ޕީ.ޑީއިން ފޯސް މެޖުއަރގެ ވާހަކަ ބަޔާންކޮށްފައިވަނީ، އެމް.ޑަބްލިއު.އެސް.ސީއިން ލިކުއިޑޭޓަޑް ޑެމޭޖެސް ނުވަތަ ޑިލޭ ޑެމެޖެސް ހޯދުމަށް ދަޢުވާކުރުމުން ކަމަށް ފާހަގަކޮށްފައިވަނީ މައްސަލައިގައި ހުށަހެޅިފައިވާ ހެކި ޤަރީނާއިން ސާބިތުވާންހުރި ޙަޤީޤަތްތަކާ ޚިލާފަށް ކަމަށްވުމުން، އެ ނިންމުމަކީ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ށ) އާ ޚިލާފު ނިންމުމެއް ކަމަށް ބުނެ ހުށަހެޅި ސަބަބު؛
ފޯސް މެޖުއަރގެ ޙާލަތެއް މެދުވެރިވެފައި ނުވާކަމަށް ސިވިލް ކޯޓުން ނިންމާފައިވާ ނިންމުން ރަނގަޅު ކަމަށް ހައިކޯޓުން ނިންމާފައިވަނީ މައްސަލައިގައި ހުށަހެޅުނު ކިތާބީ ހެކިތަކާއި ޝަރީޢަތުގެ މަޖިލީހަށް ޙާޟިރުވި ހެކިންގެ ހެކިބަހުން ސާބިތުވެފައިވާ ޙަޤީޤަތްތަކަށް ރިޢާޔަތްކުރުމެއް ނެތި، ޤާނޫނު ނަންބަރު 13/2010 (ފަނޑިޔާރުންގެ ޤާނޫނު) ގެ 5 ވަނަ މާއްދާގެ (ށ) އާ ޚިލާފަށް ކަމަށް ބުނެ ހުށަހެޅި ސަބަބު؛
ފޯސް މެޖުއަރގެ ޙާލަތުގައި އަމަލުކުރުމަށް އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ގޮތަށް އަމަލުކުރުމުގައި އެމް.ޑަބްލިއު.އެސް.ސީ.އިން ލުޔެއްދީފައިވާކަން ނުވަތަ އެހެން ގޮތަކަށް އެއްބަސްވެފައިވާކަން ކިތާބީ ހެކިން ސާބިތުވާން އޮތްއިރުވެސް ދިވެހިރާއްޖޭގެ ހައިކޯޓުން އެކަމަށް ރިޢާޔަތްކޮށްފައި ނުވަނީ ޤާނޫނު ނަންބަރު 91/4 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 20 ވަނަ މާއްދާގެ (ހ) އާއި، ޤާނޫނުއަސާސީގެ 142 ވަނަ މާއްދާއާއި، ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާއާ ޚިލާފަށް ކަމަށް ބުނެ ހުށަހެޅި ސަބަބު؛
މި މައްސަލައިގެ ވާޤިޢާތަކުގެ މައްޗަށް ޕްރޮމިސަރީ އެސްޓޮޕެލްގެ މަފްހޫމް ތަޠުބީޤު ނުކުރެވޭނެކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައިވަނީ މައްސަލައިގައި ކަންހިނގާފައިވާ ގޮތާއި އިސްތިއުނާފު ކުރާ ފަރާތުން ހުށަހަޅާފައިވާ ކަންކަމުގެ މައްޗަށް އެކަށީގެންވާ މިންވަރަކަށް ރިޢާޔަތް ކުރުމަކާއި ނުލައި ކަމަށްވުމުން، އެ ނިންމުމަކީ ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ށ) ގެ (1) އާ ޚިލާފު ކަމެއް ކަމަށް ބުނެ ހުށަހެޅި ސަބަބު؛ އަދި
އެމް.ޑަބްލިއު.އެސް.ސީއަށް ލިކުއިޑޭޓަޑް ޑެމޭޖެސް ހޯދުމަށް ދަޢުވާކުރުމުގެ ޙައްޤު އުފަންވުމަށްޓަކައި އެއްބަސްވުމުގެ ދަށުން ފުރިހަމަވާންޖެހޭ ކަންކަން ފުރިހަމަވެފައި ނުވަނީސް، ލިކުއިޑޭޓަޑް ޑެމޭޖެސް ހޯދުމަށް އެފަރާތުން ދަޢުވާ އުފުލާފައިވާކަން އެއްބަސްވުމުގެ 13 ވަނަ މާއްދާއަށް ހަވާލާދީ ޖީ.ޕީ.ޑީގެ ފަރާތުން ފާހަގަކޮށްފައިވަނިކޮށް، އެ މާއްދާގައި ބަޔާންކޮށްފައިވާ ކަންކަމާ ޚިލާފަށް ލިކުއިޑޭޓަޑް ޑެމޭޖެސް ނުވަތަ ޑިލޭ ޑެމެޖެސްގެ ޙައްޤު އުފަންވެފައިވާ ކަމަށް ކަނޑައަޅާފައިވަނީ ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 20 ވަނަ މާއްދާއާ ޚިލާފަށް ކަމަށް ބުނެ ހުށަހެޅި ސަބަބު.
ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2017/HC-A/451 ޤަޟިއްޔާ ނިންމާފައިވަނީ ޝަރުޢީ ނުވަތަ ޤާނޫނީ އުސޫލުތަކާ ޚިލާފަށް ކަމަށް ބުނެ ޖީ.ޕީ.ޑީގެ ފަރާތުން ހުށަހަޅާފައިވާ ސަބަބުތަކަށް ރައްދުދިނުމުގެ ގޮތުން އެމް.ޑަބްލިއު.އެސް.ސީގެ ފަރާތުން މައިގަނޑު 4 (ހަތަރެއް) ނުކުތާއެއް ހުށަހަޅާފައިވެއެވެ.
އެއްބަސްވުމުގެ ދަށުން ކުރި މަސައްކަތް އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ދުވަހުގެ ނިޔަލަށް ނިންމިފައި ނުވަނީ މޫސުން ގޯސްވުމުގެ ސަބަބުންކަމުގައި ޖީ.ޕީ.ޑީގެ ފަރާތުން ބުނާއިރު، އެއްބަސްވުމުގެ 19 ވަނަ މާއްދާގައިވާ ގޮތުން، އެފަދަ ހާލަތެއް ކުރިމަތިވެއްޖެނަމަ، އެކަމެއް ލަސްނުވެ އެމް.ޑަބްލިއު.އެސް.ސީއަށް ލިޔުމުން އަންގަންޖެހޭ ހިނދު، ޖީ.ޕީ.ޑީގެ ފަރާތުން އެފަދައިން އަމަލުކޮށްފައި ނުވާކަމަށާއި؛ ޕްރޮޖެކްޓް ނިމިއްޖެ ކަމުގައި ބަޔާންކޮށް 01 ޖޫން 2013 ގައި ޖީ.ޕީ.ޑީގެ ފަރާތުން އެމް.ޑަބްލިއު.އެސް.ސީއަށް ފޮނުވާފައިވާ ސިޓީގައިވެސް، އަދި 24 ސެޕްޓެންބަރު 2013 ގައި ކޮމްޕްލީޝަން ސެޓްފިކެޓް ބަދަލުކުރުމާއި ހަމައަށްވެސް، މޫސުން ގޯސްވުމުގެ ސަބަބުންނާއި އަމިއްލަ ބާރު ނުފޯރާފަދަ ކަންކަމުގެ ސަބަބުން ޖީ.ޕީ.ޑީއަށް އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ފަދައިން މަސައްކަތް ކުރެވިފައި ނުވާކަން ލިޔުމުން އަންގާފައިނުވާ ކަމަށާއި؛ ޖީ.ޕީ.ޑީގެ ފަރާތުން މޫސުމާބެހޭ ރިޕޯޓު ހުށަހަޅާފައިވަނީ އެމް.ޑަބްލިއު.އެސް.ސީގެ ފަރާތުން ލިކުއިޑޭޓަޑް ޑެމޭޖެސް ހިސާބުކުރުމާ ގުޅޭ މަސައްކަތްކުރުމުގެ ކުރިން 04 ނޮވެންބަރު 2013 ގައި އިސްތިއުނާފު ކުރާ ފަރާތަށް އީމެއިލްގެ ޒަރީއާއިން އެންގުމުން ކަމުގައިވާތީ، ހައިކޯޓު ރިޕޯޓުގެ 43 ވަނަ ޕެރެގްރާފްގައި ޖީ.ޕީ.ޑީގެ ފަރާތުން ފޯސް މެޖުއަރގެ ވާހަކަ ބަޔާންކޮށްފައިވަނީ އެމް.ޑަބްލިއު.އެސް.ސީއިން ލިކުއިޑޭޓަޑް ޑެމޭޖެސް ނުވަތަ ޑިލޭ ޑެމެޖެސް ހޯދުމަށް ދަޢުވާކުރުމުން ނުވަތަ claim ކުރުމުން ކަމުގައި ފާހަގަކޮށްފައިވަނީ އިސްވެ ބުނުވުނު ކަންކަމަށް ރިޢާޔަތްކޮށް ކަމުގައިވާތީ، މިއީ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ހ) އާ ޚިލާފު ނިންމުމެއް ނޫންކަމަށް ބުނެ ހުށަހެޅި ނުކުތާ؛
ޖީ.ޕީ.ޑީގެ ފަރާތުން މައްސަލައާއި ގުޅިގެން ހުށަހަޅާފައިވާ ޝަފަހީ ހެއްކާއި ކިތާބީ ހެކިތަކަށް ކޯޓުން ރިޢާޔަތްކޮށްފައިވާ ކަމަށާއި، އެގޮތުން ސިވިލް ކޯޓުގެ ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ 3.6 ވަނަ ނުކުތާ އާއި ހައިކޯޓުގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގެ 52 އަދި 53 ވަނަ ނުކުތާއިން އެ ހެކިތަކަށް ބުރަދަން ދީފައިވާކަން އެނގޭކަމަށް ބުނެ ހުށަހެޅި ނުކުތާ؛
އެމް.ޑަބްލިއު.އެސް.ސީއިން 04 ނޮވެންބަރު 2013 ގައި ފޮނުވި އީމެއްލްގައިވަނީ، ފޯސް މެޖުއަރގެ ހާލަތަށް ފެތޭ ކްލެއިމްއެއް އޮތްނަމަ، އެފަދަ ކްލެއިމެއްގެ ތަފުސީލުތަކާއެކު ހިއްސާކުރުމަށާއި، އެފަދަ ކްލެއިމެއް ލިބުމަށްފަހު، ލިކުއިޑޭޓަޑް ޑެމޭޖެސް މެދު ގޮތެއް ކަނޑައަޅާ ޢަދަދު ފައިނަލްކުރުމަށްފަހު، ރަސްމީ ގޮތެއްގައި އެކަން އަންގާނެކަމަށް ކަމުގައިވާތީ، މިއީ ޖީ.ޕީ.ޑީގެ ފަރާތުން އިޝާރާތްކުރާ ފަދަ ވަޢުދެއް ނޫންކަމާއި، ޖީ.ޕީ.ޑީގެ ފަރާތުން 06 ނޮވެންބަރު 2013 ގައި ހުށަހަޅާފައިވާ މޫސުމާ ގުޅޭ ރިޕޯޓުގައި އެޕްރީލް އަދި މެއި 2013 ގައި މޫސުން ގޯސްވިކަމަށް ބަޔާންކޮށްފައިވާ ނަމަވެސް، މޫސުން ގޯސްވެގެން މަސައްކަތްކުރުމަށް ދަތިވެގެން ފޯސް މެޖުއަރގެ ހާލަތެއް މެދުވެރިވިކަމުގެ ނޯޓިސް ދީފައިވާކަން އެނގެން ނެތް ހިނދު، އެއްބަސްވުމުގެ ދަށުން އެއްބަސްވުމުގެ އެއް ބައިވެރިޔަކު ކުރުން ލާޒިމްކަމެއް (ފޯސް މެޖުއަރގެ ހާލަތެއް ދިމާވުމުން ލަސްނުވެ އޭގެ މަޢުލޫމާތު ލިޔުމުން އަނެއް ބައިވެރިޔާއަށް އެންގުން) ނުކޮށް ދޫކޮށްލުމަށްފަހު، އޭގެ މާފަހުން އެ ޙައްޤުގެ ބޭނުން ހިފިނަމަ ލިބޭނެ މަންފާއެއް ލިބިގަތުމުގެ ގޮތުން، ލިކުއިޑޭޓަޑް ޑެމޭޖެސް ހިސާބުކުރުމާގުޅޭ މާއްދާތަކުގެ ދަށުން ލުއި ދީފައިވާކަމަށް ބަޔާންކުރުމުން ޖީ.ޕީ.ޑީގެ ނުބައި ނިޔަތެއް އޮތްކަން ސާފުވެގެންދާކަމަށާއި، މި މައްސަލައިގެ ވަޤާއިއުތަކަށް ޕްރޮމިސަރީ އެސްޓޮޕެލްގެ މަފްހޫމް ތަޠުބީޤު ނުކުރެވޭކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައިވަނީ ރަނގަޅަށް ކަމަށް ބުނެ ހުށަހެޅި ނުކުތާ؛
އެއްބަސްވުމުގެ 8 ވަނަ މާއްދާގެ ދަށުން އެމް.ޑަބްލިއު.އެސް.ސީގެ ފަރާތުން ޖުމްލަ US$629,689/13 (ހަލައްކަ ނަވާވީސްހާސް ހަސަތޭކަ އަށްޑިހަ ނުވަ އެމެރިކާ ޑޮލަރު / ތޭރަ ސެންޓް) ދައްކަންޖެހޭ ކަމަށް ޖީ.ޕީ.ޑީއިން ބަޔާންކުރާއިރު، އެއްބަސްވުމެއްގެ ދަށުން ދެ ފަރާތެއްގެ މެދުގައި މައްސަލަޖެހި، ދެ ފަރާތުންވެސް ފައިސާގެ އަދަދުތަކެއް ދައްކަންޖެހޭ ޙާލަތެއް މެދުވެރިވެއްޖެނަމަ، މިނިވަން ދިމިޤްރާތީ މުޖުތަމަޢުތަކުގައި އަމަލުކުރަމުން އަންނަ ޢާންމު އުސޫލަކީ ދައްކަންޖެހޭ ޢަދަދުތައް ކަނޑައެޅުމުގައި ލީގަލް ސެޓްއޯފް އަދި އިކުއިޓަބަލް ސެޓްއޯފް މި ދެ ގޮތުންކުރެ ގޮތަކަށް އަމަލުކުރުން ކަމަށާއި، މީގެތެރެއިން އެއް އެއްބަސްވުމަކާ ގުޅިގެން ޢާންމު އުސޫލެއްގެ ގޮތުން ސެޓް އޯފް ކުރުމަށް ބޭނުންކުރަނީ އިކުއިޓަބަލް ސެޓްއޯފް ކަމުގައިވާތީ، އެމް.ޑަބްލިއު.އެސް.ސީއަށް ލިކުއިޑޭޓަޑް ޑެމޭޖެސް ހޯދުމަށް ހުށަހެޅުމުގެ ޙައްޤު އުފަންވެފައިވާ ކަމަށް ކަނޑައަޅައި، ސިވިލް ކޯޓުންނާއި ހައިކޯޓުން އެމް.ޑަބްލިއު.އެސް.ސީއަށް ލިކުއިޑޭޓަޑް ޑެމޭޖެސް ނަގައިދީފައިވަނީ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ފަދައިން ކަމުގައިވުމުން، ހައިކޯޓުގެ ނިންމުމަކީ ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 20 ވަނަ މާއްދާ އާ ޚިލާފު ނިންމުމެއް ނޫން ކަމަށް ބުނެ ހުށަހެޅި ނުކުތާ.
ވަގުތީ އަމުރުސިވިލް ކޯޓުގެ ނަންބަރު 1348/Cv-C/2016 ޤަޟިއްޔާގެ ނިންމުމުގެ ދަށުން ލިކުއިޑޭޓަޑް ޑެމެޖަސްގެ ގޮތުގައި ޖީ.ޕީ.ޑީއިން އެމް.ޑަބްލިއު.އެސް.ސީއަށް US$2,476,252/48 (ދެމިލިއަން ހަތަރުލައްކަ ހަތްދިހަހަހާސް ދުއިސައްތަ ފަންސާސް ދޭއް އެމެރިކާ ޑޮލަރު ސާޅީސް އަށެއް ސެންޓު) ދައްކަން އަންގާފައިވަނިކޮށް، އެ ނިންމުމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު2017/HC-A/451 ޤަޟިއްޔާއިން ތާއިދުކޮށްފައިވާތީއާއި، ސުޕްރީމް ކޯޓުން މި އިސްތިއުނާފީ މައްސަލައާމެދު ގޮތެއް ކަނޑައެޅުމުގެ ކުރިން ސިވިލް ކޯޓުގެ ޤަޟިއްޔާގެ ޙުކުމް ތަންފީޒުކޮށްފިނަމަ، ޖީ.ޕީ.ޑީއަށް އިއާދަނުކުރެވޭ ގެއްލުން ލިބޭނެކަމުގައިބުނެ، ޙުކުމް ތަންފީޒުކުރުން ފަސްކޮށްދިނުމަށް އެދި ހުށަހެޅިއެވެ.
ޖީ.ޕީ.ޑީގެ މި ހުށަހަޅުން ދިރާސާ ކުރިއިރު، އިސްތިއުނާފު ކުރެވިފައިވާ މައްސަލައިގެ ޙުކުމް ތަންފީޒުކުރުމަށް އެމް.ޑަބްލިއު.އެސް.ސީގެ ފަރާތުން ސިވިލް ކޯޓަށް މައްސަލައެއް ހުށަހަޅާފައިވާކަން އެނގެން އޮތުމުންނާއި، މައްސަލައާ ގުޅިގެން ހުށަހަޅާފައިވާ ކަންކަމަށް ބަލާއިރު އެންމެ ރައްކާތެރި އަދި ޢަދުލުވެރިގޮތަކީ މި މައްސަލައިގައި ސުޕްރީމް ކޯޓުން އެ ނޫންގޮތަކަށް އަމުރުކުރުމާއި ހަމައަށް، ނުވަތަ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ އިސްތިއުނާފީ މައްސަލައިގައި ގޮތެއް ކަނޑައަޅަންދެން ހައިކޯޓުގެ ނަންބަރު 2017/HC-A/451 ޤަޟިއްޔާއިން ކޮށްފައިވާ ޙުކުމް ތަންފީޒުކުރުން ފަސްކުރުން ކަމަށްވާތީ، އެ ޙުކުމް ތަންފީޒުކުރުމުގެ ގޮތުން އެއްވެސް ފިޔަވަޅެއް ނޭޅުމަށް، ކަމާބެހޭ އެންމެހައި ފަރާތްތަކަށް އަންގައި، ސުޕްރީމް ކޯޓުން ޙުކުމް ތަންފީޒުކުރުން ފަސްކުރުމުގެ އަމުރެއް ނެރެފައިވެއެވެ.
ގޮތް ކަނޑައަޅަންޖެހޭ ކަންކަންޖީ.ޕީ.ޑީއިން ހުށަހަޅާފައިވާ އިސްތިއުނާފީ ނުކުތާތަކަށާއި، އެއަށް އެމް.ޑަބްލިއު.އެސް.ސީގެ ފަރާތުން ދީފައިވާ ރައްދަށް ބެލުމުން، މި މައްސަލައިގައި ސުޕްރީމް ކޯޓުން ގޮތް ކަނޑައަޅަންޖެހޭ މައިގަނޑު ނުކުތާތަކަކީ:
ފޯސް މެޖުއަރގެ ޙާލަތެއް މެދުވެރިވުމުގެ މަންފާ ޖީ.ޕީ.ޑީއަށް ލިބިދޭންޖެހޭކަން ނުވަތަ ނޫންކަން؛
މި މައްސަލައިގައި ޖީ.ޕީ.ޑީއަށް ފަހިވާގޮތަށް ޕްރޮމިސަރީ އެސްޓޮޕަލްގެ މަބްދަޢު ތަޠުބީޤުކުރަންޖެހޭ ޙާލަތެއް މެދުވެރިވެފައިވާކަން ނުވަތަ ނޫންކަން؛ އަދި
އެމް.ޑަބްލިއު.އެސް.ސީއަށް ލިކުއިޑޭޓަޑް ޑެމެޖަސް ލިބުމުގެ ޙައްޤު އުފަންވެފައިވާކަން ނުވަތަ ނޫންކަން؛
މިއެވެ.
ފޯސް މެޖުއަރގެ ހާލަތެއް މެދުވެރިވުމާއި އޭގެގެ މަންފާލިބުންފޯސް މެޖުއަރއާ ގުޅޭގޮތުން އެއްބަސްވުމުގެ ބައިވެރިން އެއްބަސްވިގޮތް ބަޔާންކޮށްފައިވަނީ އެއްބަސްވުމުގެ 14 ވަނަ މާއްދާއިން ފެށިގެން 19 ވަނަ މާއްދާގެ ނިޔަލަށެވެ.
އެ މާއްދާތަކުގައި ބަޔާންކުރާ ގޮތުން، ފޯސް މެޖުއަރގެ ހާދިސާއެއް ހިނގައިފިނަމަ، އެފަދަ ހާދިސާއެއްގެ ސަބަބުން އެއްބަސްވުމުގެ ބައިވެރިންނަށް އެއްބަސްވުމުގައިވާ ފަދައިން އަދާ ކުރަންޖެހޭ އިލްތިޒާމެއް އަދާނުކުރެވުމަކީ ނުވަތަ އިލްތިޒާމެއް އަދާކުރުމުގައި ލަސްވާ ލަސްވުމަކީ އެ އިލްތިޒާމެއް އަދާކުރަންޖެހޭ ބައިވެރިޔާ ޒިންމާވާންޖެހޭ ކަމެއް ނޫނެވެ. ހަމައެއާއެކު، އެ މާއްދާތަކުގައި، ފޯސް މެޖުއަރގެ ހާދިސާއެއް ކަމުގައި ބަލާނެ ކަންކަމާއި، ފޯސް މެޖުއަރގެ ހާދިސާއެއްގެ ގޮތުގައި ނުހިމެނޭނެ ހާލަތްތަކާއި، ފޯސް މެޖުއަރގެ ހާދިސާއެއް ކުރިމަތިވެއްޖެނަމަ އަމަލުކުރަންޖެހޭ ގޮތް ބަޔާންކޮށްފައިވެއެވެ.
އެމް.ޑަބްލިއު.އެސް.ސީ އާއި ޖީ.ޕީ.ޑީ އާމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން ފޯސް މެޖުއަރއާ ގުޅޭ ޚުޞޫމާތްތަކެއް އުފެދިފައިވާއިރު، އެ ނުކުތާތަކަށް ދިއުމުގެކުރިން، ފޯސް މެޖުއަރއާ ގުޅޭ ކަންކަން ހިނގާދިޔަ ގޮތަށް ބަލާލުން މުހިންމެވެ.
މި ރައުޔުގެ 3 ވަނަ ޕެރެގްރާފްގައި ފާހަގަކޮށްފައިވާ ފަދައިން، އެއްބަސްވުމުގެ ދަށުން މަސައްކަތް ނިންމަން އޮތް ތާރީޚަކީ 31 މާރިޗު 2013 ކަމުގައިވާ ނަމަވެސް، މަސައްކަތް ނިމުނުކަން ޖީ.ޕީ.ޑީއިން އެމް.ޑަބްލިއު.އެސް.ސީއަށް އަންގާފައިވަނީ 1 ޖޫން 2013 ގައިކަމާއި، "ޕްރޮޖެކްޓް ކޮމްޕްލީޝަން ސެޓްފިކެޓް" ގައި ސޮއިކޮށްފައިވަނީ 24 ސެޕްޓެންބަރު 2013 ގައިކަން ކިތާބީ ހެކިތަކުން އެނގެއެވެ.
ޖީ.ޕީ.ޑީއިން އެއްބަސްވުމުގައިވާ މަސައްކަތް ކުރަމުންދިޔައިރު، ފޯސް މެޖުއަރގެ ހާލަތެއް މެދުވެރިވެފައިވާކަން އެ ކުންފުނީގެ ފަރާތުން އެމް.ޑަބްލިއު.އެސް.ސީއަށް އަންގާފައިވާކަން އެނގޭކަށް ނެތެވެ.
އެހެންނަމަވެސް، ފޯސް މެޖުއަރއަށް ހަވާލާދީ، އެމް.ޑަބްލިއު.އެސް.ސީގެ ފަރާތުން 4 ނޮވެންބަރު 2013 ގައި ޖީ.ޕީ.ޑީއަށް އީމެއިލްއެއް ފޮނުވާފައިވެއެވެ. އެމް.ޑަބްލިއު.އެސް.ސީގެ ފަރާތުން 4 ނޮވެންބަރު 2013 ގައި ފޮނުވާފައިވާ މި އީމެއިލްއަކީ އެއްބަސްވުމުގެ ދަށުން ލިކުއިޑޭޓަޑް ޑެމެޖަސް ހިސާބުކުރުމުގެ ކުރިން މަޢުލޫމާތު ސާފުކުރުމުގެ ގޮތުން ފޮނުވާފައިވާ އީމެއިލްއެކެވެ. މިގޮތުން އެ އީމެއިލްގައި، އެއްބަސްވުމުގެ ދަށުން މަސައްކަތް ނިންމަން އޮތް ތާރީޚަކީ 31 މާރިޗު 2013 ކަމުގައާއި؛ މަސައްކަތް ނިންމަން އޮތް ތާރީޚުގެ ފަހަށް، އޭޕްރީލް މަހުގެ 22 (ބާވީސް) ދުވަހާއި މެއިމަހުގެ 21 (އެކާވީސް) ދުވަހާއެކު ޖުމްލަ 42 (ސާޅީސް ދޭއް) ދުވަސް މަސައްކަތް ލަސްވެފައިވާ ކަމުގައާއި؛ އެއްބަސްވެފައިވާ ފަދައިން ލިކުއިޑޭޓަޑް ޑެމެޖަސްގެ ގޮތުގައި މަސައްކަތް ލަސްވެފައިވާ ކޮންމެ ދުވަހަކަށް %0.5 (ސުމެއް ޕޮއިންޓް ފަހެއް އިންސައްތަ) ނެގޭނެކަމުގައި ބަޔާންކޮށް، ލިކުއިޑޭޓަޑް ޑެމެޖަސް ހިސާބުކުރުމުގެ ކުރިން ފޯސް މެޖުއަރގެ ހާލަތެއް މެދުވެރިވެފައިވާނަމަ، އެފަދަ ކްލެއިމްއެއް ހުށަހެޅުމަށް އެދިފައިވެއެވެ. އަދި ކްލެއިމް ލިބުމުން ލިކުއިޑޭޓަޑް ޑެމެޖަސްއަށްވާ މިންވަރު ކަނޑައަޅާ އަންގާނެކަމުގައި ބަޔާންކޮށްފައިވެއެވެ.
އެމް.ޑަބްލިއު.އެސް.ސީގެ ފަރާތުން ފޮނުވި، ބަޔާންކުރެވުނު 4 ނޮވެންބަރު 2013 އީމެއިލްއާ ގުޅިގެން، އެޕްރީލް އަދި މެއި 2013 ގެ މޫސުމުގެ ރިޕޯޓު ހިމަނާ، ޖީ.ޕީ.ޑީއިން އެމް.ޑަބްލިއު.އެސް.ސީއަށް 19 ނޮވެންބަރު 2013 ގައި އީމެއިލް ކޮށްފައިވެއެވެ. މި އީމެއިލްގައި ފޯސް މެޖުއަރ ނުވަތަ އެއްބަސްވުމުގެ އެއްވެސް މާއްދާއަކަށް ހަވާލާދީފައިނުވެއެވެ.
މި ދެ މުޢާމަލާތަށް ފަހު، ފޯސް މެޖުއަރއާ ގުޅޭގޮތުން ދެފަރާތުން ކުރެ ފަރާތަކުން ވާހަކަ ދައްކާފައިވާކަން ނުވަތަ މުޢާމަލާތެއް ކޮށްފައިވާކަން އެނގެން ނެތެވެ.
އިސްތިއުނާފުކުރެވުނު ނުކުތާތަކުގައި، ހައިކޯޓުގެ ޤަޟިއްޔާގެ 43 ވަނަ ޕެރެގްރާފަށް ހަވާލާދީ، ޖީ.ޕީ.ޑީއިން ފޯސް މެޖުއަރގެ ވާހަކަ ބަޔާންކޮށްފައިވަނީ އެމް.ޑަބްލިއު.އެސް.ސީއިން ލިކުއިޑޭޓަޑް ޑެމެޖަސް ހޯދުމަށް ދަޢުވާކުރުމުން ކަމުގައި ބަޔާންކޮށްފައިވަނީ ރަނގަޅަށް ނޫންކަމުގައި ޖީ.ޕީ.ޑީއިން ބުނާ ބުނުމަށް ބަލާއިރު، ދިވެހިރާއްޖޭގައި ޤާނޫނީގޮތުން "ދަޢުވާ ކުރުން" ބޭނުންކުރަނީ ޚުޞޫމަތަކާއި ގުޅިގެން ކޯޓަކަށް މައްސަލައެއް ހުށަހެޅުމަށް ކަމުގައިވެފައި، ލިކުއިޑޭޓަޑް ޑެމެޖަސް ހޯދުމަށް އެމް.ޑަބްލިއު.އެސް.ސީއިން ކޯޓުގައި ފުރަތަމަ ދަޢުވާކޮށްފައިވަނީ 2015 ގައި ކަމުގައިވާތީއާއި؛ ހައިކޯޓުން ބުނެވުނު ޕެރެގްރާފްގައި "ދަޢުވާ ކުރުން" ބޭނުންކޮށްފައިވާކަމަށް ބެލެވެނީ "ކްލެއިމް" މި މާނައިގައި ކަމަށްވާހިނދު، ފޯސް މެޖުއަރ އާބެހޭ މައުލޫމާތު ޖީ.ޕީ.ޑީއިން 19 ނޮވެންބަރު 2013 ގައި އެމް.ޑަބްލިއު.އެސް.ސީއަށް އަންގާފައިވަނީ އެމް.ޑަބްލިއު.އެސް.ސީގެ 4 ނޮވެންބަރު 2013 ގެ އީމެއިލްއާ ގުޅިގެން ކަމުގައިވެފައި، އެމް.ޑަބްލިއު.އެސް.ސީގެ 4 ނޮވެންބަރު 2013 ގެ އީމެއިލްއިން ލިކުއިޑޭޓަޑް ޑެމެޖަސް ހޯދުމަށް "ކްލެއިމް" ކޮށްފައިނުވާތީ، ހައިކޯޓުގެ ޤަޟިއްޔާގެ 43 ވަނަ ޕެރެގްރާފްގައި، ޖީ.ޕީ.ޑީއިން ފޯސް މެޖުއަރގެ ވާހަކަ ބަޔާންކޮށްފައިވަނީ އެމް.ޑަބްލިއު.އެސް.ސީއިން ލިކުއިޑޭޓަޑް ޑެމެޖަސް ހޯދުމަށް ދަޢުވާކުރުމުން ކަމުގައި ބަޔާންކޮށްފައިވަނީ ރަނގަޅަށް ކަމުގައި އަހުރެން ނުދެކެމެވެ.
ކަން މިހެން އޮތްނަމަވެސް، މި މައްސަލައިގެ ކަންހިނގާފައިވާ ގޮތާއި އެއްބަސްވުމުގެ ކަމާބެހޭ މާއްދާތަކުގެ އަލީގައި، ހައިކޯޓުން އެފަދައިން ބަޔާންކޮށްފައިވަނީ ރަނގަޅަށް ކަމުގައި ނުވުމުން މައްސަލައިގެ ނަތީޖާއަށް ބަދަލެއް އަންނަކަން ނުވަތަ ނޫންކަމުގެ މައްޗަށް ބެލުމުން، އަންނަނިވި ކަންކަން ފާހަގަވެއެވެ.
ފޯސް މެޖުއަރ ހާދިސާއަކީ ކޮބައިކަން ބަޔާންކުރާ، އެއްބަސްވުމުގެ 15 ވަނަ މާއްދާގައި، އެފަދަ ހާދިސާތަކުގެ ތެރޭގައި މޫސުން ގޯސްވުމުގެ ސަބަބުން މަސައްކަތްކުރުމަކީ ސަބަބުވެރި މިންގަނޑަކުން މުސްތަހީލުކަމަކަށްވާ ހާލަތު ހިމެނޭ ހިނދު، އެފަދަ ހާލަތެއް ކުރިމަތިވެއްޖެނަމަ، އެއްބަސްވުމުގެ 19 ވަނަ މާއްދާގައި ބަޔާންކުރާ ގޮތުންނަމަ، އެ ހާލަތު ކުރިމަތިވެފައިވާކަން ލަސްވުމެއްނެތި އެއްބަސްވުމުގެ އަނެއް ފަރާތަށް އަންގަންޖެހެއެވެ.
މި މައްސަލައިގެ ކަންހިނގާފައިވާގޮތަށް ބަލާއިރު، ފޯސް މެޖުއަރގެ ހާލަތެއް މެދުވެރިވެފައިވަނީ އޭޕްރީލް އަދި މެއި 2013 ގައިކަމަށް ޖީ.ޕީ.ޑީއިން ބުނެ، 19 ނޮވެންބަރު 2013 ގައި އީމެއިލްއިން އެމް.ޑަބްލިއު.އެސް.ސީއަށް އެކަން އަންގާފައިވާހިނދު، މިއީ، މަސައްކަތް ނިމުނު ކަމުގައި ބުނެ ޖީ.ޕީ.ޑީއިން އެމް.ޑަބްލިއު.އެސް.ސީއަށް އެންގި 1 ޖޫން 2013 އަށް ވުރެ ފަހުގެ، އަދި މި ދެ ފަރާތުން ޕްރޮޖެކްޓް ކޮމްޕްލީޝަން ސެޓްފިކެޓްގައި ސޮއިކުރި 24 ސެޕްޓެންބަރު 2013 އަށް ވުރެވެސް ފަހުގެ ތާރީޚެކެވެ. އަދި ޖީ.ޕީ.ޑީގެ ފަރާތުން ފޯސް މެޖުއަރއާގުޅޭ މަޢުލޫމާތު ހިއްސާކޮށްފައިވަނީ އެފަދަ ހާލަތެއް މެދުވެރިވެފައިވާނަމަ، އެކަން ހިއްސާކޮށްދިނުމަށް އެމް.ޑަބްލިއު.އެސް.ސީއިން 4 ނޮވެންބަރު 2013 ގައި އެދުމުންނެވެ.
އެހެންކަމުން، އޭޕްރީލް އަދި މެއި 2013 ގައި ކުރިމަތިވި ކަމަކާގުޅޭ މައުލޫމާތު ޖީ.ޕީ.ޑީއިން 19 ނޮވެންބަރު 2013 ގައި އެމް.ޑަބްލިއު.އެސް.ސީއަށް އީމެއިލްއިން އަންގާފައިވުމަކީ އެއްބަސްވުމުގައި ބުނާފަދައިން ލަސްވުމެއްނެތި ފޯސް މެޖުއަރގެ ހާދިސާއެއް ހިނގާފައިވާކަން އަންގާފައިވާ އެންގުމެއް ކަމުގެ މައްޗަށް ބަލާއިރު، އެއްބަސްވުމުގެ 19 ވަނަ މާއްދާގައި އެފަދަ އެންގުމެއް އަންގާނެ މުއްދަތެއް ބަޔާންކުރުމަކާއި ނުލައި، އެ ހާލަތު ކުރިމަތިވެފައިވާކަން ލަސްވުމެއްނެތި އަންގަންވާނެ ކަމުގައި ބަޔާންކޮށްފައި އޮތުމުން، ޤާނޫނީ އާންމު އުސޫލަށް ބަލާއިރު އެފަދަ އެންގުމެއް އަންގަންވާނީ ބޭކާރު ލަސްވުންތަކެއް ނުހިމެނޭ ގޮތުން ކަމުގައިވެފައި، ފޯސް މެޖުއަރގެ ހާދިސާއާގުޅޭ މަޢުލޫމާތު، އެކަން ހިނގުމުގެ މަސްތަކެއް ފަހުން އެންގުމަކީ، އެއްބަސްވުމުގައި ބަޔާންކުރާ ފަދައިން ލަސްވުމެއްނެތި އެ މައުލޫމާތު ހިއްސާކުރުންކަމުގައި ސަބަބުވެރި މިންގަނޑަކުން ބެލެން ނެތަތީ، ޖީ.ޕީ.ޑީގެ ފަރާތުން އެއްބަސްވުމުގައިވާ ފަދައިން ފޯސް މެޖުއަރގެ ހާދިސާއެއް ކުރިމަތިވިނަމަ، އެކަމުގެ މައުލޫމާތު އެމް.ޑަބްލިއު.އެސް.ސީއާ ހިއްސާކޮށްފައިވާކަމުގައި އަހުރެންނަށް ބުރަ ނުވެވެއެވެ.
އެހެންކަމުން، މީގެ މާނައަކީ ފޯސް މެޖުއަރގެ ހާދިސާއެއް ކުރިމަތިވެފައި ނުވަނީތޯއެވެ؟ ކުރު ޖަވާބަކީ ނޫނެކެވެ.
މި ރައުޔުގެ 25 ވަނަ ޕެރެގްރާފްގައި ބަޔާންކޮށްފައިވާ ފަދައިން، އެއްބަސްވުމުގެ 15 ވަނަ މާއްދާގައި، އެފަދަ ހާދިސާތަކުގެ ތެރޭގައި މޫސުން ގޯސްވުމުގެ ސަބަބުން މަސައްކަތްކުރުމަކީ ސަބަބުވެރި މިންގަނޑަކުން މުސްތަހީލުކަމަކަށްވާ ހާލަތަކީ ފޯސް މެޖުއަރގެ ހާދިސާއެއް ކަމުގައި ބެލެވޭނެ ކަމަށް ބަޔާންކޮށްފައިވެއެވެ. އަދި ޖީ.ޕީ.ޑީއިން 19 ނޮވެންބަރު 2013 ގައި އެމް.ޑަބްލިއު.އެސް.ސީއަށް ފޮނުވި އީމެއިލްގައި ހިއްސާކޮށްފައިވަނީ މޫސުން ގޯސްވުމުގެ ސަބަބުން އެ ކުންފުންޏަށް މަސައްކަތް ނުކޮށް ދޫކޮށްލަންޖެހުނު ނުވަތަ މަޑުޖައްސާލަންޖެހުނު ދުވަސްތަކުގެ ތަފުސީލެވެ.
ދެފަރާތުގެ މެދުގައި ވެފައިވާ އެއްބަސްވުމުގެ 19 ވަނަ މާއްދާގައި، ފޯސް މެޖުއަރގެ ހާލަތެއް މެދުވެރިވެއްޖެނަމަ، އެކަން އެއްބަސްވުމުގެ އަނެއް ފަރާތަށް ލަސްވުމެއްނެތި އަންގަން އޮންނަ އޮތުމުގެ އިތުރުން، ފޯސް މެޖުއަރ ގެ ހާލަތު މެދުވެރިވި އެއްބަސްވުމުގެ ބައިވެރިޔާ (މިހާލަތުގައި ޖީ.ޕީ.ޑީ) އެކަން އެއްބަސްވުމުގެ އަނެއް ބައިވެރިޔާއަށް އެންގުމުން، އެއްބަސްވުމުގެ އަނެއް ބައިވެރިޔާ (މިހާލަތުގައި އެމް.ޑަބްލިއު.އެސް.ސީ) އެނޫން ގޮތަކަށް ލިޔުމުން އެންގުމާއި ހަމައަށް، ފޯސް މެޖުއަރގެ ހާލަތު މެދުވެރިވި ބައިވެރިޔާއަށް އެއްބަސްވުމުގެ ދަށުން އަދާކުރަންޖެހޭ އިލްތިޒާމުތައް ސަބަބުވެރި އަދި ކަމާއެކަށޭނަ މިންވަރަށް އަދާކުރުންމަތީ ދެމިހުރުމާއެކު، އެ ނޫންގޮތަކަށް އެއްބަސްވުމުގެ ބައިވެރިން އެއްބަސްވެފައި ނުވާނަމަ، ފޯސް މެޖުއަރގެ ހާދިސާއިން އެކަމަށް އަސަރުނުކުރާ ގޮތެއްގެ މަތިން އެ އިލްތިޒާމުތައް އަދާކުރެވެން ހުރިނަމަ، އެގޮތަކަށް އެކަން އަދާކުރަންޖެހޭނެ ކަމުގައި ބަޔާންކޮށްފައިވެއެވެ.
މިއާއެކު އެއްބަސްވުމުގެ 14 ވަނަ މާއްދާއަށް ބަލާއިރު، އެ މާއްދާގައި، ފޯސް މެޖުއަރގެ ހާދިސާތަކުގެ ސަބަބުން އެއްބަސްވުމުގެ ދަށުން އުފުލަންޖެހޭ އިލްތިޒާމެއް އަދާކުރުމުގައި ލަސްތަކެއް ކުރިމަތިވެއްޖެނަމަ، ނުވަތަ އޭގެ ސަބަބުން އެކަމެއް ނުކުރެވިއްޖެނަމަ، އެއްބަސްވުމުގެ ބައިވެރިން އެކަމުގެ (ލަސްވުމުގެ ނުވަތަ ނުކުރެވުމުގެ) ޒިންމާ އުފުލަން ނުޖެހޭނެ ކަމުގައި ބުނުމަށްފަހު، ފޯސް މެޖުއަރގެ ހާދިސާއަކީ ކޮބައިކަމާއި، އެފަދަ ހާދިސާއެއް މެދުވެރިވެއްޖެ ނަމަ އަމަލުކުރަންޖެހޭ ގޮތާއި، އޭގެ ނަތީޖާ ފަދަ ކަންކަން ހިމެނިގެންވާތީ، އެއްބަސްވުމުގެ 14 ވަނަ މާއްދާގައި ބަޔާންކުރާ ކަންކަމަކީ ފޯސް މެޖުއަރއާ ގުޅިގެން އެއްބަސްވުމުގައި ދެން ހުރި މާއްދާތަކާއި ވަކިން އޮތް މާއްދާއެއް ކަމުގައި، ނުވަތަ ފޯސް މެޖުއަރއާ ގުޅިގެން އެއްބަސްވުމުގައި ދެން ހުރި މާއްދާތަކުގެ އަސަރު 14 ވަނަ މާއްދާއަށް ނުކުރާގޮތަށް އޮތް މާއްދާއެއް ކަމުގައި ބެލެން ނެތްކަމުގައި އަހުރެން ދެކެމެވެ. އަދި އެއްބަސްވުމުގެ 14 ވަނަ މާއްދާއިން 19 ވަނަ މާއްދާގެ ނިޔަލަށް ހުރި މާއްދާތަކަކީ އެއް ކަމަކާގުޅިގެން ހުރި މާއްދާތަކެއް ކަމުގައިވާތީ، އެ މާއްދާތައް ކިޔަންޖެހޭނީ އަދި މާނަކޮށް ތަޠުބީޤުކުރަން ޖެހޭނީ ވެސް އެއްމާއްދާއާ އަނެއް މާއްދާއާ އޮތް ގުޅުމަށް ބަލާފައިކަމުގައި ދެކެމެވެ. މިގޮތުން އެއްބަސްވުމުގެ 14 ވަނަ މާއްދާއަކީ ފޯސް މެޖުއަރއާގުޅޭ އާންމު މާއްދާއެއް ކަމުގައާއި، 19 ވަނަ މާއްދާގައި ފޯސް މެޖުއަރ ހާލަތެއް މެދުވެރިވިނަމަ ވަކިގޮތަކަށް ކަންކުރުމަށް ބަޔާންކޮށް، އެގޮތުގެ މަތިން އަމަލުކުރުމަށް ދެފަރާތުން އެއްބަސްވެފައިވަނީ، އެ މާއްދާއަކީ ޚާއްޞަ މާއްދާއެއް ކަމުގައިވާތީ ކަމުގައި އަހުރެން ދެކެމެވެ.
މިހެންކަމުން، އެއްބަސްވުމުގައިވާ ގޮތުންނަމަ، ފޯސް މެޖުއަރގެ ހާދިސާއެއް ކުރިމަތިވުމުން ޖީ.ޕީ.ޑީގެ ފަރާތުން އެކަން ލަސްވުމެއްނެތި އެމް.ޑަބްލިއު.އެސް.ސީއާ ހިއްސާކުރުމުގެ އިތުރުން، އެމް.ޑަބްލިއު.އެސް.ސީއިން ވަކި ގޮތަކަށް ލިޔުމުން އަންގަންދެން މަސައްކަތް ކުރިއަށް ގެންދެވެން އޮތް ގޮތަކަށް މަސައްކަތް ކުރަންޖެހެއެވެ.
މި ރައުޔުގެ 27 ވަނަ ޕެރެގްރާފްގައި ބަޔާންކޮށްފައިވާ ފަދައިން، ފޯސް މެޖުއަރގެ ހާދިސާއެއް ކުރިމަތިވުމުން އެކަމާގުޅޭ މަޢުލޫމާތު ޖީ.ޕީ.ޑީގެ ފަރާތުން އެއްބަސްވުމުގައިވާ ފަދައިން އެމް.ޑަބްލިއު.އެސް.ސީއާ ހިއްސާކޮށްފައި ނުވެއެވެ. ފޯސް މެޖުއަރގެ ހާދިސާއާބެހޭ މައުލޫމާތު ޖީ.ޕީ.ޑީގެ ފަރާތުން އެމް.ޑަބްލިއު.އެސް.ސީއަށް ހިއްސާކޮށްފައިވަނީ ޕްރޮޖެކްޓް ކޮމްޕްލީޝަން ސެޓްފިކެޓްގައި ސޮއިކުރުމަށްފަހު ކަމުގައިވާތީ، މަސައްކަތް ކުރިއަށް ގެންދިއުމުގައި ފޯސް މެޖުއަރގެ ހާދިސާއެއް ކުރިމަތިވެފައިވާ ކަމުގައި ބެލި ނަމަވެސް، ޖީ.ޕީ.ޑީގެ ފަރާތުން އަމަލުކޮށްފައިވަނީ އެއްބަސްވުމުގެ ދަށުން އޭގެ މަންފާ ޖީ.ޕީ.ޑީއަށް ލިބޭ ފަދައަކުން ކަމުގައި އަހުރެން ނުދެކެމެވެ.
މި މައްސަލައަށް ޕްރޮމިސަރީ އެސްޓޮޕަލްގެ މަބްދަޢު ތަޠުބީޤުކުރުންދިވެހިރާއްޖޭގެ ހައިކޯޓުން މައްސަލަ ނިންމުމުގައި، މި މައްސަލައިގެ މައްޗަށް ޕްރޮމިސަރީ އެސްޓޮޕަލް ތަޠުބީޤުނުކުރެވޭނެ ކަމުގައި ނިންމާފައިވަނީ މައްސަލައިގެ ކަންހިނގާފައިވާ ގޮތަށް ބެލުމެއް ނެތި، ޤާނޫނާއި ޚިލާފަށްކަމުގައި ޖީ.ޕީ.ޑީއިން ބުނަނީ (މި ރައުޔުގެ 20 ވަނަ ޕެރެގްރާފްގައި ތަފުސީލުކޮށްފައިވާ) އެމް.ޑަބްލިއު.އެސް.ސީގެ ފަރާތުން 4 ނޮވެންބަރު 2013 ގައި ޖީ.ޕީ.ޑީއަށް ފޮނުވި އީމެއިލްގައި ހުރި އަންނަނިވި ކަންކަމުގެ މައްޗަށް ބިނާކޮށެވެ.
މަސައްކަތް ނިންމަން އޮތް ތާރީޚު (31 މާރިޗު 2013) ގެ ފަހަށް ހިނގާފައިވަނީ ޖުމްލަ 42 (ސާޅީސް ދޭއް) ދުވަސް ކަމުގައި ބަލާފައިވާކަން ފާޅުކަން ބޮޑުގޮތެއްގައި އެނގެން އޮތުން؛
އެހެންކަމުން، ލިކުއިޑޭޓަޑް ޑެމެޖަސް ހިސާބުކުރުމަށް ދުވަސް ގުނާފައިވަނީ 1 ޖޫން 2013 ގައި މަސައްކަތް ނިންމާފައިވާކަމަށް ގަބޫލުކޮށް ކަމުގައިވުން؛
ބުނެވުނު 42 (ސާޅީސް ދޭއް) ދުވަހުގެ ތެރޭގައި ފޯސް މެޖުއަރގެ ހާދިސާއެއް ހިނގާފައިވާނަމަ، އެ މަޢުލޫމާތު ހިއްސާކުރުމަށް އެދިފައިވުން؛ އަދި
ފޯސް މެޖުއަރގެ ހާދިސާއެއް ހިނގާފައިވާނަމަ، އެ މަޢުލޫމާތު ހިއްސާކުރުމުން، ލިކުއިޑޭޓަޑް ޑެމެޖަސްއަށްވާ މިންވަރު ކަނޑައެޅުމަށްފަހު ރަސްމީކޮށް އެކަން އަންގާނެ ކަމުގައި ބަޔާންކޮށްފައިވުން.
ޖީ.ޕީ.ޑީއިން ދެކޭ ގޮތުގައި ލިކުއިޑޭޓަޑް ޑެމެޖަސްއަށްވާ މިންވަރު ކަނޑައަޅާނީ ފޯސް މެޖުއަރއާގުޅޭ މަޢުލޫމާތު ލިބުމުންކަމުގައި އެމް.ޑަބްލިއު.އެސް.ސީގެ މި އީމެއިލްގައި ބަޔާންކޮށްފައި އޮތުމުން، މިއީ ޕްރޮމިސަރީ އެސްޓޮޕަލްގެ މަބްދަޢު ތަޠުބީޤުކުރެވޭނެ ހާލަތެކެވެ.
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޢަބްދުލްމަޖީދު ވ. މާލޭ ސިޓީ ކައުންސިލްގެ އިދާރާ ގައި، އަހުރެންގެ ރައުޔުގެ 28 ވަނަ ޕެރެގްރާފްގައި، ޕްރޮމިސަރީ އެސްޓޮޕަލްގެ މަބްދަޢު ތަޠުބީޤުކުރެވޭނެ ހާލަތްތައް ކަމުގައި އަހުރެން ބަޔާންކޮށްފައިވާ ކަންކަން ތަކުރާރުކުރާނަމެވެ.
ވަޢުދުވީ ފަރާތުން ވެފައިވާ ވަޢުދަކީ އެ މައްޗަށް އަނެއް (ވަޢުދު ރައްދުވި) ފަރާތުން ބަރޯސާވެ، އެ ވަޢުދާއި އެއްގޮތަށް ކަންހިނގާނެކަމުގައި ބަލައި ކަންކަން ތަރުތީބުކުރާފަދަ އެކަށީގެންވާ (ސިގްނިފިކަންޓް) ވަޢުދެއްކަމުގައިވުން؛
ވަޢުދު ރައްދުވާ ފަރާތުން، އެ ވަޢުދުގެ މައްޗަށް ބަރޯސާވެ، ވަޢުދާއި އެއްގޮތަށް ކަންހިނގާނެކަމުގައި ބަލައި، (މުޤާބިލެއް ނެތްނަމަވެސް) އަމަލުތަކެއް ކުރުން؛
ވަޢުދާއި އެއްގޮތަށް އަމަލުކުރާނެކަމަށް ދެކިގެން، ވަޢުދު ރައްދުވާ ފަރާތުން ކުޅަ އަމަލުތަކުގެ ސަބަބުން، އޭނާއަށް މާލީގޮތުން ނުވަތަ އިޤްތިޞާދީ ގެއްލުމެއް ކުރިމަތިލާންޖެހުން؛ އަދި
ކުރިމަތިވެފައިވާ ބޭއިންސާފަށް ޙައްލު ލިބިދެވޭނެ ހަމައެކަނި ގޮތަކީ، ވެފައިވާ ވަޢުދާއެއްގޮތަށް އަމަލުކުރުމަށް ވަޢުދުވީ ފަރާތަށް އެންގުން ކަމުގައިވުން.
މި މައްސަލައިގެ ވާޤިޢާތަކުގެ އަލީގައި އިސްވެ ބުނެވުނު ހާލަތްތައް ފުރިހަމަވާކަން ނުވަތަ ނޫންކަމުގެ މައްޗަށް ބަލާއިރު:
އެމް.ޑަބްލިއު.އެސް.ސީގެ ފަރާތުން 4 ނޮވެންބަރު 2013 ގައި ފޮނުވި އީމެއިލްގައި ބުނެފައިވަނީ ފޯސް މެޖުއަރގެ ހާދިސާއެއް ހިނގާފައިވާނަމަ، އެ މަޢުލޫމާތު ހިއްސާކުރުމުން، ލިކުއިޑޭޓަޑް ޑެމެޖަސްއަށްވާ މިންވަރު ކަނޑައެޅުމަށްފަހު ރަސްމީކޮށް އަންގާނެ ކަމުގައި ކަމަށްވުމުން، ފުރަތަމަ ނަޒަރަކުން، މިހެން ބުނުމުން، އެއީ، އެ ބުނުމާ އެއްގޮތަށް ކަންހިނގާނެ ކަމުގައި ބަލައިގެން ޖީ.ޕީ.ޑީއިން ކަންކަން ތަރުތީބު ކުރާނެ ކަމުގައި ބަލާނެ، އެކަށީގެންވާ އަދި ސާފު ބުނުމެއް ކަމުގައި، ނުވަތަ ވަޢުދެއް ކަމުގައި އަހުރެންނަށް ބުރަނުވެވެއެވެ. މި ރައުޔުގެ 30 ވަނަ ޕެރެގްރާފުން 33 ވަނަ ޕެރެގްރާފްގެ ނިޔަލަށް ހުރި ކަންކަން އެހެން ހުރުމުންނާއި، އެއްބަސްވުމުގެ 23 ވަނަ މާއްދާގައި 'ވެއިވަރ' ނުވަތަ އެއްބަސްވުމުގެ ދަށުން ލުއި ދިނުމާ ގުޅޭގޮތުން ބަޔާންކޮށްފައިވާ ކަންކަމުން، މި ވިސްނުމަށް ބާރު ލިބިދެއެވެ. އެހެންނަމަވެސް، ބަހުސްގެ ބޭނުމަށްޓަކައި، އެމް.ޑަބްލިއު.އެސް.ސީއިން އީމެއިލްގައި ބުނެފައިވާ ބުނުމުގައި ވަޢުދެއްވާ ކަމުގައި ބަލައިގެން ކުރިއަށް ދާނަމެވެ.
އެމް.ޑަބްލިއު.އެސް.ސީއިން 4 ނޮވެންބަރު 2013 ގެ އީމެއިލް ފޮނުވުމުން، ޖީ.ޕީ.ޑީއިން 19 ނޮވެންބަރު 2013 ގައި މޫސުން ގޯސްވުމުގެ ސަބަބުން އެ ކުންފުންޏަށް މަސައްކަތް ނުކޮށް ދޫކޮށްލަންޖެހުނު ނުވަތަ މަޑުޖައްސާލަން ޖެހުނު ދުވަސްތަކުގެ ތަފުސީލު ހުށަހެޅުމުގެ އިތުރަށް، އެމް.ޑަބްލިއު.އެސް.ސީގެ އީމެއިލްގައި ބުނެފައިވާ ބުނުމުމުގެ މައްޗަށް ބަރޯސާވެ، އެއާ އެއްގޮތަށް ކަންހިނގާނެކަމުގައި ބަލައި، އެއްވެސް ކަމެއް ކޮށްފައިވާ ކަމެއް، އަދި ކޮށްފައިވާނަމަ އެއީ ކޮން ކަމެއްކަން އެނގޭކަށް ނެތެވެ.
ޖީ.ޕީ.ޑީއިން އެމް.ޑަބްލިއު.އެސް.ސީގެ އީމެއިލްގައި ބުނެފައިވާ ބުނުމުމުގެ މައްޗަށް ބަރޯސާވެ ކޮށްފައިވާ ކަމަކީ ޖީ.ޕީ.ޑީގެ 19 ނޮވެންބަރު 2013 އީމެއިލްއިން މަޢުލޫމާތު ފޮނުވުން ކަމުގައި ބަލާނަމަ، އެ މަޢުލޫމާތު ފޮނުވާ، ވަކި ގޮތަކަށް ކަންހިނގާނެ ކަމުގައި ޖީ.ޕީ.ޑީއިން ދެކިގެން ހުރުމުގެ ސަބަބުން، ޖީ.ޕީ.ޑީއަށް ކުރިމަތިވި މާލީ އަދި އިޤްތިޞާދީ ގެއްލުމަކީ ކޮބައިކަމެއް ސާފެއް ނުވެއެވެ. ޖީ.ޕީ.ޑީއަށް ލިކުއިޑޭޓަޑް ޑެމެޖަސް ދައްކަން ޖެހުމަކީ އެފަދަ މާލީ ގެއްލުމެއް ކަމުގައި ބަލާނަމަ، އޭގައި ދެކޮޅުނުޖެހޭ ކަންކަންތަކެއް ހިމެނޭކަމުގައި ފެނެއެވެ. އެއީ، މި ރައުޔުގެ 30 ވަނަ ޕެރެގްރާފުން 33 ވަނަ ޕެރެގްރާފްގެ ނިޔަލަށް ހުރި ކަންކަން އެހެން ހުރުމުންނާއި، އެއްބަސްވުމުގެ 23 ވަނަ މާއްދާގައި 'ވެއިވަރ' ނުވަތަ އެއްބަސްވުމުގެ ދަށުން ލުއި ދިނުމާ ގުޅޭގޮތުން ބަޔާންކޮށްފައިވާ ކަންކަމުން، ފޯސް މެޖުއަރގެ ހާލަތެއް ކުރިމަތިވެފައި އޮވެ، އެއްބަސްވުމުގެ ދަށުން ވަކި ގޮތަކަށް ކަންނުކުރުމުގެ ނަތީޖާއަކީ ލިކުއިޑޭޓަޑް ޑެމެޖަސް ދައްކަން ޖެހުންކަން ޖީ.ޕީ.ޑީއަށް ކުރިއްސުރެ އެނގި، އެކަމުގެ މައްޗަށް ޖީ.ޕީ.ޑީއިން އެއްބަސްވެފައިވާތީއެވެ. އެހެންކަމުން، ފޯސް މެޖުއަރ ހާލަތެއް އޮތްކަމުގައި ބަލައި، އޭގެ ލުއި ޖީ.ޕީ.ޑީއަށް ލިބިއޮތް ކަމުގެ މައްޗަށް ބަރޯސާވެ، ޖީ.ޕީ.ޑީއަށް މާލީ ނުވަތަ އިޤްތިޞާދީ ގެއްލުމެއް ލިބިފައިވާކަން ޝަރީޢަތަށް ސާބިތުވާ މިންގަނޑެއްގެ ތެރެއިން ހުށަހަޅާފައިވާކަމުގައި ބެލެން އޮތްކަމުގައި ނުދެކެމެވެ.
ޕްރޮމިސަރީ އެސްޓޮޕަލްގެ މަބްދަޢު ތަޠުބީޤުކުރެވޭނީ މުއާމަލާތަކާގުޅޭ އެއް ފަރާތަށް ކުރިމަތިވާނެ ބޭއިންސާފަށް ބެލުމެއްނެތި، އެ މުޢާމަލާތުގައި ހިމެނޭ އަނެއް ފަރާތުން، އެފަރާތަށް ލިބިފައިވާ ޤާނޫނީ ޙައްޤުތައް ތަންފީޒުކުރުމަށް ބޭނުންވާ ޙާލަތުގައި ކަމަށްވުމުންނާއި، ޕްރޮމިސަރީ އެސްޓޮޕަލްގެ މަބްދަޢު ތަޠުބީޤުކުރެވޭނެ ހާލަތްތަކާއި މި މައްސަލައިގެ ކަންހިނގާފައިވާގޮތް އަޅާބެލުމުން، މިއީ ޖީ.ޕީ.ޑީއަށް ޕްރޮމިސަރީ އެސްޓޮޕަލްގެ މަންފާ ލިބިދެވޭނެޖެހޭ ހާލަތެއް ކަމުގައި އަހުރެންނަށް ބުރަނުވެވެއެވެ.
ލިކުއިޑޭޓަޑް ޑެމެޖަސްގެ ޙައްޤު އުފަންވުމާގުޅޭ
ލިކުއިޑޭޓަޑް ޑެމެޖަސް ނަގާދިނުމާ ގުޅޭކަންކަން ބަޔާންކޮށްފައިވަނީ އެއްބަސްވުމުގެ 13 ވަނަ މާއްދާގައެވެ. އެ މާއްދާގައި އޮންނަނީ އަންނަނިވި ފަދައިންނެވެ.
13. If GPD fails or is unable to deliver vacant possession of the MWSC Area to MWSC on or before the Target Completion Date for any reason other than due to a force majeure event as set out in clause 14 of this Agreement and in the meanwhile the MWSC has paid and settled all monies payable to GPD in accordance with this Agreement, then in that event, MWSC’s claim shall be limited to liquidated damages calculated from day to day at the rate of zero point five percent (0.5%) per day on the Contract Price paid by MWSC for the period commencing immediately after the Target Completion Date and ending on the earlier of (a) the date vacant possession as aforesaid of the MWSC Area is delivered to MWSC or (b) the date of expiration of three months from the Target Completion Date. In the event GPD fails to handover vacant possession as aforesaid of the MWSC Area within three months of the Target Completion Date, this Agreement will be terminated on the date of the extended Target Completion Date and MWSC will have the right to reclaim all monies paid to GPD.
ޖީ.ޕީ.ޑީގެ ފަރާތުން އެއްބަސްވުމުގެ 13 ވަނަ މާއްދާއާ ހަވާލާދީ، ސިވިލް ކޯޓުން ލިކުއިޑޭޓަޑް ޑެމެޖަސް ނަގައިދީފައިވަނީ ލިކުއިޑޭޓަޑް ޑެމެޖަސް ލިބިގަތުމުގެ ޙައްޤު އުފަންވެފައި ނުވާ ހާލަތެއްގައިކަމަށް ބުނެ ހައިކޯޓަށް ހުށަހެޅި ނުކުތާއާގުޅިގެން ހައިކޯޓުގެ ނިންމުމުގައި ފާހަގަކޮށްފައިވާ ގޮތުން، ލިކުއިޑޭޓަޑް ޑެމެޖަސް ލިބިގަތުމުގެ ޙައްޤު އުފަންވަނީ މަސައްކަތް ނިންމަން އޮތް ތާރީޚަށް މަސައްކަތް ނިންމާ ހަވާލު ނުކުރުމުގެ އިތުރުން، އެމް.ޑަބްލިއު.އެސް.ސީއިން އެއްބަސްވުމުގެ ދަށުން ޖީ.ޕީ.ޑީއަށް ދައްކަންޖެހޭ ފައިސާ ޚަލާސްކުރުމަށްފަހު ކަމުގައި ޖީ.ޕީ.ޑީއިން ބުނި ނަމަވެސް، އެ ޙައްޤު އުފަންވަނީ މަސައްކަތް ނިންމަން އޮތް ތާރީޚު ފަހަނައަޅާ ދިއުމުން ކަމުގައާއި، އެއްބަސްވުމުގެ 8 ވަނަ މާއްދާގެ (f) ގެ ދަށުން ލިބެންޖެހޭ ފައިސާއަކީ ޑިފެކްޓް ލަޔަބިލިޓީ ޕީރިއަޑް ނިމުމުން ދައްކަންޖެހޭ ފައިސާއެއް ކަމުގައިވާތީ، އެއްބަސްވުމުގެ 8 ވަނަ މާއްދާގެ (f) ގެ ދަށުން ފައިސާ ދައްކަންޖެހުމުގެ ކުރިން ލިކުއިޑޭޓަޑް ޑެމެޖަސް ލިބިގަތުމުގެ ޙައްޤު އުފަންވެފައިވާކަމަށެވެ. މީގެ އިތުރުން، ސިވިލް ކޯޓުން މައްސަލަ ނިންމާފައިވަނީ އެއްބަސްވުމުގެ ވަކިވަކި ލަފުޒުތަކަށް ބެލުމުގެ ބަދަލުގައި މުޅި އެއްބަސްވުމަށް ރިޢާޔަތްކޮށް، ދެފަރާތަށް އިންސާފު ލިބިދެނިވި ގޮތުގައިކަމާއި، ލިކުއިޑޭޓަޑް ޑެމެޖަސް ނަގާއިދިނުމުގައިވެސް، އަޅާކަނޑާފައިވަނީ މައްސަލައިގައި ފުރިހަމަ ހައްލު ހޯދައިދިނުމަށް ކަމުގައިވެސް ބަޔާންކޮށްފައިވެއެވެ.
ހައިކޯޓުގެ ނިންމުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހަޅަމުން، އެއްބަސްވުމުގެ 8 ވަނަ މާއްދާގެ (f) ގެ ދަށުން ދައްކަންޖެހޭ ފައިސާ އެމް.ޑަބްލިއު.އެސް.ސީއިން ދައްކާ ހަލާސްކުރުމުގެ ކުރިއަށް ލިކުއިޑޭޓަޑް ޑެމެޖަސް ލިބިގަތުމުގެ ޙައްޤު އުފަންނުވާކަމުގައި ޖީ.ޕީ.ޑީއިން ބުނެއެވެ.
އެހެންކަމުން، އެއްބަސްވުމުގެ ދަށުން ލިކުއިޑޭޓަޑް ޑެމެޖަސް ލިބުމުގެ ޙައްޤު އުފަންވަނީ ކޮން އިރަކުކަމުގެ މައްޗަށް ބަލާއިރު، އެއްބަސްވުމުގައިވާ ގޮތުން، މަސައްކަތް ނިންމަން އޮތް ތާރީޚުގައި ނުވަތަ އެ ތާރީޚުގެ ކުރިން، ފޯސް މެޖުއަރގެ ހާދިސާއެއް މެދުވެރިވެގެން ނޫން އެހެން އެއްވެސް ސަބަބަކާހުރެ ހިއްކާފައިވާ ބިން ހުސްކޮށް ޖީ.ޕީ.ޑީއިން އެމް.ޑަބްލިއު.އެސް.ސީއާ ހަވާލުކޮށްފައި ނުވާނަމަ(vacant possession) ، އަދި އެހައި ތަނަށް (in the meanwhile) އެމް.ޑަބްލިއު.އެސް.ސީގެ ފަރާތުން އެއްބަސްވުމުގެ ދަށުން ދައްކަންޖެހޭ ހުރިހާ ފައިސާއެއް ދައްކާ ހަލާސްކޮށްފައިވާނަމަ، އެމް.ޑަބްލިއު.އެސް.ސީއަށް ލިކުއިޑޭޓަޑް ޑެމެޖަސް ލިބުމުގެ ޙައްޤު އޮންނަ ކަމަށް އަހުރެންނަށް ބުރަވެވެއެވެ. އެއީ:
އެއްބަސްވުމުގައި މަސައްކަތް ނިންމަން އޮތް ތާރީޚަށް އެކަން ނިމިފައި ނުވާކަމާމެދު ޚުޞޫމާތެއް އުފެދިފައި ނުވާތީއާއި، މި ރައުޔުގެ 30 ވަނަ ޕެރެގްރާފުން 33 ވަނަ ޕެރެގްރާފްގެ ނިޔަލަށް ހުރި ކަންކަން އެހެން ހުރުމުން، ފޯސް މެޖުއަރގެ ހާލަތެއް ވުޖޫދުވެފައި އޮތްކަމުގައި ބެލިނަމަވެސް، ޖީ.ޕީ.ޑީން އަމަލުކޮށްފައިވަނީ އޭގެ މަންފާ އެ ކުންފުންޏަށް ލިބިދެވޭފަދައަކުން ކަމުގައި ބެލެވެން ނެތަތީއާއި؛
އެއްބަސްވުމުގެ 13 ވަނަ މާއްދާ ފަރުމާކޮށްފައިވާ ގޮތަށް ބަލާއިރު، ލިކުއިޑޭޓަޑް ޑެމެޖަސް ލިބުމުގެ ޙައްޤު އުފަންވުމަށް އެއްބަސްވުމުގެ ދަށުން ދައްކަންޖެހޭ ހުރިހާ ފައިސާއެއް ދައްކާ ހަލާސްކުރަންވާނެ ކަމުގައި ބަޔާންކޮށްފައިވާއިރު ވަކި މާއްދާއަކަށް ހަވާލާދީފައި ނުވިނަމަވެސް، އެއްބަސްވުމުގެ ދަށުން ދައްކަންޖެހޭ ފައިސާއަށް ހަވާލާދިނުމުގައި in the meanwhile މި ލަފުޒުތައް ބޭނުންކޮށްފައިވާތީ، އެއީ އެއްބަސްވުމުގެ ދަށުން އެހިނދަށް ދައްކަންޖެހޭ ފައިސާ ކަމުގައި އަހުރެންނަށް މާނަކުރެވޭތީ، ޖީ.ޕީ.ޑީއިން ހުށަހަޅާފައިވާ ފަދައިން، ލިކުއިޑޭޓަޑް ޑެމެޖަސް ލިބުމުގެ ޙައްޤު އުފަންވުމަށްޓަކައި، އެއްބަސްވުމުގެ 8 ވަނަ މާއްދާގެ (f) ގެ ދަށުން ޑިފެކްޓް ލަޔަބިލިޓީ ޕީރިއަޑް ނިމުމުން ދައްކަންޖެހޭ ފައިސާ ހިމެނޭކަމުގައި އަހުރެންނަށް ބުރަ ނުވެވޭތީއެވެ.
މިހެންކަމުން، މި ނުކުތާގައި ހައިކޯޓުން ކަނޑައަޅާފައިވާ ކަނޑައެޅުމުގައި، ލިކުއިޑޭޓަޑް ޑެމެޖަސް ލިބުމުގެ ޙައްޤު އުފަންވަނީ މަސައްކަތް ނިންމަން އޮތް ތާރީޚު ފަހަނައަޅާ ދިއުމުން ކަމުގައާއި، އެއްބަސްވުމުގެ 8 ވަނަ މާއްދާގެ (f) ގެ ދަށުން ލިބެންޖެހޭ ފައިސާއަކީ ޑިފެކްޓް ލަޔަބިލިޓީ ޕީރިއަޑް ނިމުމުން ދައްކަންޖެހޭ ފައިސާއެއް ކަމުގައިވާތީ، އެއްބަސްވުމުގެ 8 ވަނަ މާއްދާގެ (f) ގެ ދަށުން ފައިސާ ދައްކަންޖެހުމުގެ ކުރިން ލިކުއިޑޭޓަޑް ޑެމެޖަސް ލިބިގަތުމުގެ ޙައްޤު އުފަންވެފައިވާކަމުގައި ބަޔާންކޮށްފައިވުމުން، އޭގެން ނިކުންނަ ނަތީޖާއާއި، މި ނުކުތާގައި (ޕެރެގްރާފް 42 ގައި ބަޔާންކޮށްފައިވާ) އަހުރެން ރައުޔު ތަޠުބީޤުކުރުމުން ނިކުންނަ ނަތީޖާ އެއްގޮތްކަމުގައިވީ ނަމަވެސް، އެއްބަސްވުމުގެ 13 ވަނަ މާއްދާގެ ދަށުން ލިކުއިޑޭޓަޑް ޑެމެޖަސް ލިބިގަތުމުގެ ޙައްޤު އުފަންވަނީ 2 (ދޭއް) ކަމެއް ފުރިހަމަވުމުންކަން ހައިކޯޓުގެ ނިންމުމުން ސާފުނުވާތީ، އެކަން ފާހަގަކުރުމެވެ.
ނިންމަން ފެންނަ ގޮތްޖީ.ޕީ.ޑީއިން އެމް.ޑަބްލިއު.އެސް.ސީއަށް ލިކުއިޑޭޓަޑް ޑެމެޖަސްގެ ގޮތުގައި US$2,476,252/48 (ދެމިލިއަން ހަތަރުލައްކަ ހަތްދިހަހަހާސް ދުއިސައްތަ ފަންސާސް ދޭއް އެމެރިކާ ޑޮލަރު ސާޅީސް އަށެއް ސެންޓު) ދެއްކުމަށް ކަނޑައެޅި ސިވިލް ކޯޓުގެ ނަންބަރު 1348/Cv-C/2016 ޤަޟިއްޔާއާއި، އެ ނިންމުމަށް ތާއީދުކޮށްފައިވާ ހައިކޯޓުގެ ނަންބަރު 2017/HC-A/451 ޤަޟިއްޔާއަކީ ބާޠިލު ނިންންމުމެއް ކަމުގައި ކަނޑައަޅައި، އެ ޙުކުމްތައް ބާޠިލުކުރުމަށް ޖީ.ޕީ.ޑީއިން އެދިފައިވެއެވެ.
އެހެންނަމަވެސް، އިސްތިއުނާފުކުރުމަށް ޖީ.ޕީ.ޑީއިން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ކަންކަމާމެދު، އަހުރެންގެ މި ރައުޔުގައި އިސްވެ ފާހަގަކޮށްފައިވާ ކަންކަމުގެ އަލީގައި:
ފޯސް މެޖުއަރގެ ހާދިސާއެއް ކުރިމަތިވުމުން އެފަދަ ކަމަކާއި ގުޅިގެން އެއްބަސްވުމުގައި އަމަލުކުރުމަށް ދެފަރާތުން އެއްބަސްވެފައިވާ ގޮތަށް އަމަލުކޮށްފައިވާކަން އެނގެން ނެތް ހިނދު، މަސައްކަތް ނިމުނު ފަހުން، އަދި ފޯސް މެޖުއަރގެ ހާދިސާ ކުރިމަތިވުމުގެ މަސްތަކެއް ފަހުން، ފޯސް މެޖުއަރގެ ހާދިސާއެއް ހިނގާފައިވާކަން ދަލާލާތުކޮށްދޭ މަޢުލޫމާތު ހިއްސާކުރުމުން، ޖީ.ޕީ.ޑީގެ ފަރާތުން އަމަލުކޮށްފައިވަނީ އެއްބަސްވުމުގެ ދަށުން އޭގެ މަންފާ ޖީ.ޕީ.ޑީއަށް ލިބޭ ފަދައަކުން ކަމުގައި ބެލެވެން ނެތަތީއާއި؛
މައްސަލައިގެ ވާޤިޢާތަކަށް ބެލުމުން، މިއީ ޖީ.ޕީ.ޑީއަށް ޕްރޮމިސަރީ އެސްޓޮޕަލްގެ މަންފާ ލިބިދެވޭންޖެހޭ ހާލަތެއް ކަމުގައި ބެލެވެން ނެތަތީއާއި؛
އެއްބަސްވުމުގެ ދަށުން ލިކުއިޑޭޓަޑް ޑެމެޖަސް ލިބުމުގެ ޙައްޤު އުފަންވަނީ މަސައްކަތް ނިންމަން އޮތް ތާރީޚުގައި ނުވަތަ އެ ތާރީޚުގެ ކުރިން، ފޯސް މެޖުއަރގެ ހާދިސާއެއް މެދުވެރިވެގެން ނޫން އެހެން އެއްވެސް ސަބަބަކާހުރެ ހިއްކާފައިވާ ބިން ޖީ.ޕީ.ޑީއިން އެމް.ޑަބްލިއު.އެސް.ސީއާ ހަވާލުކޮށްފައި ނުވާނަމަ(vacant possession) ، އަދި އެހާތަނަށް (in the meanwhile) އެމް.ޑަބްލިއު.އެސް.ސީގެ ފަރާތުން އެއްބަސްވުމުގެ ދަށުން ދައްކަންޖެހޭ ހުރިހާ ފައިސާއެއް ދައްކާ ހަލާސްކޮށްފައިވާނަމަ، ކަމުގައިވެފައި، އެއްބަސްވުމުގެ 8 ވަނަ މާއްދާގެ (f) ގެ ދަށުން ޖީ.ޕީ.ޑީއަށް ލިބެންޖެހޭ ފައިސާއަކީ މަސައްކަތް ނިންމަން އޮތް ތާރީޚާ ހަމައަށް އެމް.ޑަބްލިއު.އެސް.ސީއިން ދައްކަންޖެހި ނުދައްކާވާ ފައިސާއެއް ކަމުގައި ނުވާތީ، ލިކުއިޑޭޓަޑް ޑެމެޖަސް ލިބުމުގެ ޙައްޤު އެމް.ޑަބްލިއު.އެސް.ސީ ލިބިގެންވާ ކަމުގައި ފެންނާތީ؛
ހުށަހެޅިފައިވާ އިސްތިއުނާފީ ނުކުތާތަކުގެ މައްޗަށް ބިނާކޮށް، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2017/HC-A/451 ޤަޟިއްޔާ ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުސޫލުތަކާ ޚިލާފަށްކަމުގައި އަހުރެން ނުދެކެމެވެ.
ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުގެ ރައުޔު މި މައްސަލައިގައި ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންގެ ރައުޔު މި މައްސަލައިގައި ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ޙުކުމް
ދެންފަހެ، އިސްވެ ބަޔާންވެދިޔަ ކަންކަން އެ ގޮތުގެމަތިން ހުރުމުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2017/HC-A/451 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމަށް ބަދަލު ގެންނަންޖެހޭނެ ތަނެއް ނެތްކަމުގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި، ޙުކުމްކޮށްފީމެވެ.
މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ:
މަޙާޒު ޢަލީ ޒާހިރުޢާއިޝާ ޝުޖޫން މުޙައްމަދުޢަލީ ރަޝީދު ޙުސައިން(ރިޔާސަތު)
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.