ދިވެހިރާއްޖޭގެ މަތީ މަރުޙަލާގެ ކޯޓުތަކުން ކަނޑައަޅާފައިވާ ޤާނޫނީ އުޞޫލުތައް

Maldives Legal Precedents

Saeed Lex
[2022] SC 62 · 2021/SC-A/59ސުޕްރީމް ކޯޓު · 28 ސެޕްޓެމްބަރު 2022

މުޙައްމަދު ޢާޡިމް ޢަބްދުލްހާދީ ވ. ދައުލަތް (މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ)

ސުޕްރީމް ކޯޓު
ފަހުގެ ޙުކުމެއްގައި ޙަވާލާދީފައެއް ނުފެނޭޙުކުމުގެ ހާލަތު
ސުޕްރީމް ކޯޓު · 28 ސެޕްޓެމްބަރު 2022ބާވަތް: މަދަނީ

ޚުލާޞާ

ޚުލާޞާ ނެތް.

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
—
ފަހުގެ ތާރީޚު
—

ނިންމުން

—

ކޯ ޓާމްސް

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

މި ލިޔުމުން އުޞޫލެއް ނުނެގުނު.

ފަނޑިޔާރުން

ބެންޗު
—
ޚިލާފު ރައުޔު
ނެތް

ޝަރީޢަތުގެ ވީޑިއޯ

ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.

` މުޙައްމަދު ޢާޡިމް ޢަބްދުލްހާދީ ވ. ދައުލަތް (މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ)

ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުގެ ރައުޔު (ފަނޑިޔާރު ޙުސްނުއްސުޢޫދު އަދި ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިން ތާއީދު ކުރައްވާފައި)

ތަޢާރުފު

މިއީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2018/HC-A/371 ޤަޟިއްޔާ އެ ކޯޓުން ނިންމާފައިވަނީ ޤާނޫނާ ޚިލާފަށް ކަމުގައި ބުނެ އެ ޤަޟިއްޔާ މއ. ކެކުރި، މުޙައްމަދު ޢާޡިމް ޢަބްދުލްހާދީގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުން ބެލި މައްސަލައެވެ. މި މައްސަލައިގައި އިސްތިއުނާފު ރައްދުވަނީ ދައުލަތް (މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ) އަށެވެ.

މައްސަލައިގައި ކަން ހިނގާފައިވާ ގޮތް

މޯލްޑިވްސް މީޑިއާ ކައުންސިލްގެ (މީގެ ފަހުން "މީޑިއާ ކައުންސިލް") މެމްބަރެއްގެ ގޮތުގައި ހުރެ 2011 ވަނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން މުޙައްމަދު ޢާޡިމް ޢަބްދުލްހާދީ ލިވިންގ އެލަވަންސްގެ ގޮތުގައި 67,500/-ރ (ފަސްދޮޅަސް ހަތްހާސް ފަސްސަތޭކަ) ރުފިޔާ ނަގާފައިވާ ކަމުގައި ބުނެ އެ ފައިސާ ހޯދުމަށް ސިވިލް ކޯޓަށް ދައުލަތުގެ ފަރާތުން މައްސަލައެއް ހުށަހެޅިއެވެ.

ދައުލަތުން މި ދަޢުވާ ބިނާކޮށްފައިވަނީ ދައުލަތުގެ މާލިއްޔަތުގެ ޤާނޫނުގެ (މީގެ ފަހުން "މާލިއްޔަތުގެ ޤާނޫނު") 47 ވަނަ މާއްދާގެ (ށ) އާއި، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ (މީގެ ފަހުން "މާލިއްޔަތުގެ ގަވާއިދު") 4.06 ގެ (ށ) އާއި، (ރ) ގެ މައްޗަށެވެ.

ސިވިލް ކޯޓުގައި މުޙައްމަދު ޢާޡިމް ޢަބްދުލްހާދީގެ މައްޗަށް އުފުލި ދައުވާއަށް އޭނާ އިންކާރު ކޮށްފައިވެއެވެ. އަދި އެ ދަޢުވާއަށް ޖަވާބުދާރީ ވަމުން ފާހަގަ ކޮށްފައިވަނީ، ލިވިންގ އެލަވަންސްގެ ފައިސާއަކީ ރައްޔިތުންގެ މަޖިލީހުން މެމްބަރުންނަށް ދިނުމަށް ފާސްކޮށްފައިވާ ފައިސާއެއްކަން 2011 ވަނަ އަހަރު މަޖިލިހުން ފާސްކޮށްފައިވާ މީޑިއާ ކައުންސިލުގެ ބަޖެޓުން އެނގޭ ކަމަށާއި، މި ހާލަތުގައި މާލިއްޔަތުގެ ޤާނޫނާއި، ގަވާއިދުގެ މާއްދާތަކާ ޙަވާލާދީ އޭނާގެ މައްޗަށް ދަޢުވާ އުފުލިގެން ނުވާނެ ކަމަށާއި، އޭނާ ޤާނޫނާއި ގަވާއިދާ ޚިލާފު ކަމެއް ކޮށްފައި ނުވާނެ ކަމުގައެވެ.

މީގެ އިތުރަށް މުޙައްމަދު ޢާޡިމް ޢަބްދުލްހާދީ ސިވިލް ކޯޓުގައި ފާހަގަ ކޮށްފައިވަނީ، ލިވިންގ އެލަވަންސާ ގުޅިގެން މީޑިއާ ކައުންސިލުން ނިންމާފައިވާ ނިންމުމަކީ، މެމްބަރުންގެ މުސާރައިގެ ވައުޗަރު ފިނޭންސް މިނިސްޓްރީއަށް ފޮނުވާއިރު، ލިވިންގ އެލަވަންސް ހިމެނުމަށް ކަމަށާއި، އެ ފަދައިން ނިންމީ މީޑިއާ ކައުންސިލްގެ ބަޖެޓް ފާސްކުރިއިރު، އެ ފައިސާ ހިމަނާފައިވާތީ ކަމުގައެވެ. އަދި ކަންމިހެން އޮތުމުން މި ފައިސާއަކީ އޭނާ "ނެގި" ފައިސާއެއް ކަމުގައި ނުބުނެވޭނެ ކަމަށާއި، ދައުލަތުގެ މުވައްޒަފުންނަށް މުސާރަ ދޫކުރުމުގައި އެ އިދާރާއެއްގެ ފައިސާއާބެހޭ މުވައްޒަފުންގެ ދައުރު އޮންނާނެ ކަމަށާއި، އަދި ފިނޭންސް މިނިސްޓްރީން ވެސް މުވައްޒަފުންގެ މުސާރައާއި އިނާޔަތުގެ ފައިސާ ދޫކުރުމުގައި ހަރުދަނާ އުސޫލުތަކެއް ގެންގުޅޭނެ ކަމަށް ގަބޫލު ކުރާ ކަމަށާއި، ދޫކުރަންޖެހޭ ފައިސާއާއި ފައިސާ ދޫކުރުމުގައި ފުރިހަމަވާންޖެހޭ ލިޔެކިޔުންތަކާއި، އެހެނިހެން ކަންކަން ހުރި ނެތް ގޮތް ބެލުމަކީ އެ ވުޒާރާއިން ވެސް ޤާނޫނީ ގޮތުން ކުރަންޖެހޭ، އަދި ކުރާނެ ކަންތައްތަކެއް ކަމުގައި އޭނާ ގަބޫލު ކުރާ ކަމުގައެވެ.

ދައުލަތުގެ ފަރާތުން މުޙައްމަދު ޢާޡިމް ޢަބްދުލްހާދީގެ މައްޗަށް ހުށަހެޅި ދަޢުވާ ތަފުސީލު ކުރަމުން ދައުލަތުން ސިވިލް ކޯޓުގައި ފާހަގަ ކޮށްފައިވަނީ، މީޑިއާ ކައުންސިލުގެ މެމްބަރުންގެ އުޖޫރަ އާއި އެހެނިހެން މާލީ ޢިނާޔަތްތައް ކަނޑައެޅުމުގެ ބާރު، މޯލްޑިވްސް މީޑިއާ ކައުންސިލުގެ ޤާނޫނުގެ 19 ވަނަ މާއްދާގެ (ހ) ގެ ދަށުން ލިބިފައިވަނީ ރައްޔިތުންގެ މަޖިލިހަށް ކަމުގައެވެ. އަދި ރައްޔިތުންގެ މަޖިލިހަށް ލިބިފައިވާ މި ބާރުގެ ތެރެއިން ރައްޔިތުންގެ މަޖިލިހުން މީޑިއާ ކައުންސިލްގެ މެމްބަރުންނަށް ލިވިންގ އެލަވަންސެއް ދިނުމަށް ފާސްކޮށްފައި ނުވާކަމުގައެވެ. މި ކަން އިތުރަށް ތަފުސީލު ކުރަމުން ދައުލަތުން އަންނަނިވި ކަންކަން ފާހަގަ ކުރެއެވެ.

ރައްޔިތުންގެ މަޖިލިހުގެ ގަވާއިދުގެ 100 ވަނަ މާއްދާގެ (ހ) ގެ 10 ވަނަ ނަންބަރުގައިވާ ގޮތުން ރައްޔިތުންގެ މަޖިލިހުން ކަނޑައަޅަންޖެހޭ މުސާރަތައް ކަނޑައެޅުމަކީ ރައްޔިތުންގެ މަޖިލިހުގެ މާލިއްޔަތު ކޮމިޓީގެ މަސްއޫލިއްޔަތެއް ކަން.

ރައްޔިތުންގެ މަޖިލިހުން ކަނޑައަޅަންޖެހޭ މުސާރައިގެ އޮނިގަނޑު މާލިއްޔަތު ކޮމިޓީން މުރާޖަޢާ ކުރުމަށްފަހު 26 އޮގަސްޓް 2010 ގައި އެކުލަވައިލި ރިޕޯޓު މަޖިލިހަށް ހުށަހެޅުމުން އެ ރިޕޯޓު އަނބުރާ މާލިއްޔަތު ކޮމިޓީއަށް ފޮނުވުމާ ގުޅިގެން އަލުން އެ ކޮމިޓީން އެ ރިޕޯޓު މުރާޖަޢާ ކުރިކަން.

މާލިއްޔަތު ކޮމިޓީގެ ރިޕޯޓުގައި މީޑިއާ ކައުންސިލްގެ މެމްބަރުންނަށް ލިވިންގ އެލަވަންސެއް ދިނުމަށް ކަނޑައަޅާފައި ނުވާކަމާއި، އެ ކޮމިޓީން މުރާޖަޢާ ކުރި ރިޕޯޓު ރައްޔިތުންގެ މަޖިލިހުގެ ތަޅުމަށް ހުށަހެޅުމުން މާލިއްޔަތު ކޮމިޓީން ހުށަހެޅި ގޮތަށް 28 ޑިސެމްބަރ 2010 ގައި އެ ރިޕޯޓު ރައްޔިތުންގެ މަޖިލިހުން ފާސްކުރިކަން.

މާލިއްޔަތު ކޮމިޓީގެ ރިޕޯޓުގައި، "އެކިއެކި މަޤާމުތަކަށް މާލިއްޔަތު ކޮމިޓީން ހުށަހަޅާފައިވާ ޖުމުލަ މުސާރަ އާއި އެހެނިހެން އެލަވަންސްތަކުގެ އިތުރުން، އެކިއެކި ޤާނޫނުތަކުގެ ދަށުން އެ ބޭފުޅުންނަށް ލިބިދެވޭ ޢިނާޔަތްތައް ފިޔަވައި، އެހެން އެއްވެސް ޢިނާޔަތެއް ލިބި ނުދެވޭނެ" ކަމުގައި ބަޔާން ކޮށްފައިވާ ކަން.

ދައުލަތުގެ ދަޢުވާ ތަފުސީލު ކުރަމުން އިތުރަށް ދައުލަތުން ފާހަގަ ކޮށްފައިވަނީ، ރައްޔިތުންގެ މަޖިލިހުން 2011 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ފާސްވިއިރު، މީޑިއާ ކައުންސިލްގެ ބަޖެޓްގައި "މުވައްޒަފުންނާއި، މުވައްޒަފުންގެ އަނބިދަރިންގެ ލިވިންގ އެލަވަންސް އާއި ފެމިލީ އެލަވަންސް" ގެ ގޮތުގައި ފައިސާ ހިމެނިފައިވީ ނަމަވެސް، އެއީ ރައްޔިތުންގެ މަޖިލިހުން މީޑިއާ ކައުންސިލްގެ މެމްބަރުންނަށް ދިނުމަށް ފާސްކޮށްފައިވާ ފައިސާއެއް ނޫން ކަމުގައެވެ.

2011 ވަނަ އަހަރުގެ މީޑިއާ ކައުންސިލްގެ ބަޖެޓްގައި ހިމެނިފައިވާ ލިވިންގ އެލަވަންސްގެ ފައިސާ، އެ ބަޖެޓްގައި ހިމަނާ ފާސްކޮށްފައިވަނީ، ކައުންސިލްގެ މެމްބަރުންނަށް ދެވޭ ލިވިންގ އެލަވަންސްގެ ގޮތުގައި ކަމުގައި މީޑިއާ ކައުންސިލުން، އެ ކައުންސިލްގެ ޖަލްސާގައި ބައިވެރިވި ހުރިހާ މެމްބަރުންގެ އިއްތިފާޤުން ނިންމިއެވެ. އަދި މި ނިންމުމާ ގުޅިގެން އެ އަހަރު ޖެނުއަރީ މަހުން ފެށިގެން ލިވިންގ އެލަވަންސްގެ ގޮތުގައި މަހަކު 7,500/- (ހަތްހާސް ފަސްސަތޭކަ) ރުފިޔާ އެ ކައުންސިލްގެ ކޮންމެ މެމްބަރެއްގެ މުސާރައާއެކު މެމްބަރުންގެ ބެންކް އެކައުންޓަށް ޖަމާކުރަން ފެށިއެވެ. މި ގޮތަށް ލިވިންގ އެލަވަންސްގެ ގޮތުގައި މުޙައްމަދު ޢާޡިމް ޢަބްދުލްހާދީގެ އެކައުންޓަށް 67,500/- (ފަސްދޮޅަސް ހަތް ހާސް ފަސްސަތޭކަ) ރުފިޔާ ޖަމާވެފައިވެއެވެ.

މީޑިއާ ކައުންސިލްގެ މެމްބަރުންގެ މުސާރައާއެކު ލިބެމުން އަންނަ ލިވިންގ އެލަވަންސަކީ ރައްޔިތުންގެ މަޖިލިހުން އެ ކައުންސިލްގެ މެމްބަރުންނަށް ދިނުމަށް ނިންމާފައިވާ އެލަވަންސެއް ކަމުގައި ނުވާތީ، އެ އެލަވަންސް ދިނުން ހުއްޓާލުމަށް އެންޓި ކަރަޕްޝަން ކޮމިޝަނުން މީޑިއާ ކައުންސިލަށް 2011 އޭޕްރިލް 20 ވަނަ ދުވަހު އެންގިއެވެ. އަދި އެ އެންގުމާ ގުޅިގެން ލިވިންގ އެލަވަންސް ދިނުން ހުއްޓާލުމަށްފަހު، 2011 އޮގަސްޓް 18 ވަނަ ދުވަހު މީޑިއާ ކައުންސިލްގެ ޖަލްސާއެއް ބާއްވައި، އެ ޖަލްސާގެ ނިންމުންތައް ތަންފީޒު ކުރުމުގެ ގޮތުން، ވޭތުވެ ދިޔަ 06 މަހު (މާރޗް މަހުން ފެށިގެން އޮގަސްޓް މަހުގެ ނިޔަލަށް) މެމްބަރުންނަށް ލިވިންގ އެލަވަންސްގެ ގޮތުގައި ނުދީ ހުރި ފައިސާ ހިމަނައިގެން މުސާރަ ޝީޓު ހެދުމަށާއި، އަދި އޮގަސްޓް މަހުން ފެށިގެން ކުރިއަށް އޮތްތަނުގައި ލިވިންގ އެލަވަންސްގެ ފައިސާ މެމްބަރުންނަށް ދޫކުރުމަށް މީޑިއާ ކައުންސިލްގެ ރައީސް، މީޑިއާ ކައުންސިލްގެ ކޯޕަރޭޓް އެފެއާޒް ޔުނިޓަށް 21 އޮގަސްޓް 2011 ގައި މެމޯ އެއް ފޮނުވާފައިވެއެވެ.

ދައުލަތުން މުޙައްމަދު ޢާޡިމް ޢަބްދުލްހާދީގެ މައްޗަށް ކުރި ދަޢުވާ ސާބިތުވާކަމަށް ސިވިލް ކޯޓުން ނިންމައި، ސިވިލް ކޯޓުން މައްސަލަ ނިންމި ދުވަހުން ފެށިގެން 06 (ހައެއް) މަސްދުވަހުގެ ތެރޭގައި އެ ފައިސާ މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީއަށް ދެއްކުމަށް މުޙައްމަދު ޢާޡިމް ޢަބްދުލްހާދީއަށް އަންގައި ޙުކުމް ކޮށްފައިވެއެވެ. އަދި ސިވިލް ކޯޓުގެ މި ނިންމުން މުޙައްމަދު ޢާޡިމް ޢަބްދުލްހާދީގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން އެ ކޯޓުން ވެސް ސިވިލް ކޯޓުގެ ނިންމުމަށް ތާއީދު ކޮށްފައިވެއެވެ.

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައިވާ ނުކުތާތައް

ހައިކޯޓުން މައްސަލަ ނިންމާފައިވަނީ ޤާނޫނާ ޚިލާފަށް ކަމުގައި ބުނެ މުޙައްމަދު ޢާޡިމް ޢަބްދުލްހާދީގެ ފަރާތުން ސުޕްރީމް ކޯޓުގައި އަންނަނިވި ނުކުތާތައް ހުށަހަޅާފައި ވެއެވެ.

ފުރަތަމަ ނުކުތާއަކީ، މި މައްސަލަ ހައިކޯޓުން ނިންމުމުގައި ސިވިލް ކޯޓުގައި ސާބިތުވެފައި ނުވާ ވާޤިޢާތަކެއް، އެ ކޯޓުގައި ސާބިތުވެފައިވާ ކަމުގައި ނިންމާފައިވަނީ ހެއްކާބެހޭ ޤާނޫނުގެ 06 ވަނަ މާއްދާގައި ހަޤީޤަތެއް ސާބިތުވެއްޖެ ކަމުގައި ޝަރީޢަތުން ކަނޑައެޅުމުގައި ރިޢާޔަތް ކުރަން އޮންނަ އުސޫލާއި، ފަނޑިޔާރުންގެ ޤާނޫނުގެ 05 ވަނަ މާއްދާގެ (ށ) ގެ 01 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފަނޑިޔާރުގެ ކުރިމައްޗަށް ހުށަހެޅިފައިވާ ހެއްކާއި ޤަރީނާއަށް ފަނޑިޔާރުން ރިޢާޔަތް ކުރަންވާނޭ ކަމުގައި ބަޔާންކޮށްފައިވާ އުސޫލާ ޚިލާފަށް ކަމުގައި ބުނެ ފާހަގަ ކުރި ނުކުތާއެވެ. މި ނުކުތާ ތަފުސީލު ކުރަމުން އަންނަނިވި 3 (ތިނެއް) ކަންތައް މުޙައްމަދު ޢާޡިމް ޢަބްދުލްހާދީގެ ފަރާތުން ފާހަގަ ކޮށްފައިވެއެވެ.

މައްސަލައިގައި ވާހަކަ ދެކެވޭ ލިވިންގ އެލަވަންސަކީ ރައްޔިތުންގެ މަޖިލިހުން މީޑިއާ ކައުންސިލްގެ މެމްބަރުންނަށް ދިނުމަށް ފާސްކޮށްފައިވާ އެލަވަންސެއް ނޫންކަމަށް ހައިކޯޓުން ނިންމިއިރު، 2011 ވަނަ އަހަރުގެ ބަޖެޓް ރައްޔިތުންގެ މަޖިލިހުން ފާސްކުރިއިރު، މީޑިއާ ކައުންސިލްގެ މެމްބަރުންނަށް ލިވިންގ އެލަވަންސެއް ދިނުމަށް ނިންމައި އެ ޢަދަދަށް ފައިސާ ބަޖެޓްގައި ހިމަނައި ފާސްކޮށްފައިވާކަމާއި، މިކަން ދައުލަތުން ސިވިލް ކޯޓަށް ހުށަހެޅި މީޑިއާ ކައުންސިލްގެ 2010 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުން (02 އޮކްޓޯބަރ 2011) ފެންނަން އޮތް ކަން.

މީޑިއާ ކައުންސިލްގެ ރައީސް، އެ ކައުންސިލްގެ ކޯޕަރޭޓް އެފެއާރޒް ޔުނިޓަށް 21 އޮގަސްޓް 2011 ގައި، އެ މަހުގެ މުސާރަ ޝީޓް ތައްޔާރު ކުރާއިރު، އެއިގެ ކުރީގެ 06 މަސްދުވަހުގެ ލިވިންގ އެލަވަންސް ހިމަނައިގެ މުސާރަ ޝީޓް ތައްޔާރު ކުރުމަށް އަންގައި ފޮނުވި މެމޯއަކީ ދައުލަތުގެ މާލިއްޔަތު ގަވާއިދުގެ 4.06 ވަނަ މާއްދާގެ (ރ) އާ ޚިލާފަށް ދައުލަތުގެ ފައިސާ ޚަރަދު ކުރުމަށް އަންގާފައިވާ މެމޯ އެއްކަމުގައި ހައިކޯޓުން ނިންމިއިރު، އެ މެމޯއަކީ ރައްޔިތުންގެ މަޖިލިހުން މީޑިއާ ކައުންސިލްގެ މެމްބަރުންގެ ލިވިންގ އެލަވަންސްގެ ގޮތުގައި ބަޖެޓްގައި ހިމަނައި، ފާސްކޮށްފައިވާ ބަޖެޓެއްގައި ހިމެނޭ ފައިސާއެއް ދޫކުރުމަށް އަންގާފައިވާ މެމޯ އެއްކަން.

ލިވިންގ އެލަވަންސްގެ ގޮތުގައި މުޙައްމަދު ޢާޡިމް ޢަބްދުލްހާދީ -/67،500 (ފަސްދޮޅަށް ހަތްހާސް ފަސްސަތޭކަ) ރުފިޔާ "ނަގާފައިވާ" ކަމަށް ހައިކޯޓުން ނިންމާފައިވަނީ ކޮން ވާޤިޢާއެއްގެ މައްޗަށް ކަން ސާފުނުވާކަން. އެހެނީ މި މައްސަލައިގައި ވާހަކަ ދެކެވޭ ލިވިންގ އެލަވަންސަކީ ރައްޔިތުންގެ މަޖިލިހުން ފާސްކޮށްފައިވާ ބަޖެޓްގައި ހިމެނޭ ފައިސާއަކަށްވެފައި، އެ ފައިސާ ހޯދުމުގައި މުޙައްމަދު ޢާޡިމް ޢަބްދުލްހާދީ ފަރުދީ ގޮތުން ކޮށްފައިވާ ކަމެއް ނުވަތަ ފޯރުވާފައިވާ ނުފޫޒެއް ފެންނަން ނެތްކަން. އަދި މުޙައްމަދު ޢާޡިމް ޢަބްދުލްހާދީ ބައިވެރިވި މީޑިއާ ކައުންސިލް ޖަލްސާގައި ލިވިންގ އެލަވަންސް ހިމަނައިގެން މުސާރަ ޝީޓް ހެދުމަށް ނިންމާފައިވަނީ ރައްޔިތުންގެ މަޖިލިހުން ފާސްކޮށްފައިވާ ބަޖެޓްގައި އެ ފައިސާ ހިމަނާފައިވާތީކަން.

ދެވަނަ ނުކުތާއަކީ، މި މައްސަލައިގައި ހައިކޯޓުން ދައުލަތުގެ މާލިއްޔަތުގެ ޤާނޫނުގެ 47 ވަނަ މާއްދާގެ (ށ) މައްސަލައިގެ ވާޤިޢާތަކުގެ މައްޗަށް ތަޠުބީޤު ކޮށްފައިވަނީ ރަނގަޅަށް ނޫންކަމުގައި ބުނެ ފާހަގަ ކުރި ނުކުތާއެވެ.

ތިންވަނަ ނުކުތާއަކީ، މާލިއްޔަތުގެ ގަވާއިދުގެ 4.06 ވަނަ މާއްދާގެ (ށ) އަދި (ރ) މި މައްސަލައިގައި ހައިކޯޓުން ތަޠުބީޤު ކޮށްފައިވަނީ ރަނގަޅަށް ނޫންކަމުގައި ބުނެ ފާހަގަ ކުރި ނުކުތާއެވެ.

ހަތަރުވަނަ ނުކުތާއަކީ، ލިވިންގ އެލަވަންސްގެ ފައިސާއަކީ މީޑިއާ ކައުންސިލްގެ މެމްބަރުންނަށް ދިނުމަށް މަޖިލިހުން ކަނޑައަޅާފައިވާ ފައިސާއެއް ނޫންކަމުގައި ހައިކޯޓުން ނިންމައި، އެ ފައިސާ އަނބުރާ ދައުލަތަށް ހޯދުމަކީ މޯލްޑިވްސް މީޑިއާ ކައުންސިލްގެ ޤާނޫނުގެ 19 ވަނަ މާއްދާގެ (ށ) ގެ މަގުސަދަށްޓަކައި ރައްޔިތުންގެ މަޖިލިހުން މީޑިއާ ކައުންސިލްގެ މެމްބަރުންނަށް ދިނުމަށް ކަނޑައަޅާފައިވާ އުޖޫރައެއް އުނި ކުރުން ކަމުގައި ނުބެލެވޭނެ ކަމުގައި ހައިކޯޓުން ނިންމާފައިވަނީ، ހެއްކާބެހޭ ޤާނޫނުގެ 06 ވަނަ މާއްދާގައި ހަޤީޤަތެއް ސާބިތުވެއްޖެ ކަމުގައި ޝަރީޢަތުން ކަނޑައެޅުމުގައި ރިޢާޔަތް ކުރަން އޮންނަ އުސޫލާއި، ފަނޑިޔާރުންގެ ޤާނޫނުގެ 05 ވަނަ މާއްދާގެ (ށ) ގެ 01 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފަނޑިޔާރުގެ ކުރިމައްޗަށް ހުށަހެޅިފައިވާ ހެއްކާއި ޤަރީނާއަށް ފަނޑިޔާރުން ރިޢާޔަތް ކުރަންވާނޭ ކަމުގައި ބަޔާންކޮށްފައިވާ އުސޫލާ ޚިލާފަށް ކަމުގައި ބުނެ ފާހަގަ ކުރި ނުކުތާއެވެ.

އިސްތިއުނާފީ ނުކުތާތަކުގެ ރައްދު

މުޙައްމަދު ޢާޡިމް ޢަބްދުލްހާދީގެ ފަރާތުން ހުށަހެޅި އިސްތިއުނާފީ ނުކުތާތަކަށް ރައްދުދެމުން ދައުލަތުގެ ފަރާތުން އަންނަނިވި ކަންކަން ފާހަގަ ކޮށްފައިވެއެވެ.

އިސްތިއުނާފީ ފުރަތަމަ ނުކުތާއަށް ރައްދުދެމުން ދައުލަތުގެ ފަރާތުން ފާހަގަކޮށްފައިވަނީ މުޙައްމަދު ޢާޡިމް ޢަބްދުލްހާދީގެ ފަރާތުން އެ ނުކުތާގައި ފާހަގަ ކޮށްފައިވާ ތިން ކަންތަކަށްވެސް ހައިކޯޓުން ރިޢާޔަތް ކޮށްފައިވާ ކަމުގައެވެ. މި ގޮތުން މައްސަލައިގައި ވާހަކަ ދެކެވޭ ލިވިންގ އެލަވަންސަކީ މީޑިއާ ކައުންސިލްގެ މެމްބަރުންނަށް ދިނުމަށް ރައްޔިތުންގެ މަޖިލިހުން ނިންމާފައިވާ އެލަވަންސެއް ނޫންކަމާއި، އެ އެލަވަންސް ދިނުމަށް ނިންމާފައިވަނީ މީޑިއާ ކައުންސިލުގެ ނިންމުމެއް މައްޗަށް ބިނާކޮށް ކަމަށާއި، މީޑިއާ ކައުންސިލްގެ އެ ނިންމުމަކީ ދައުލަތުގެ ފައިސާ ޚަރަދު ކުރުމަށް ނިންމާފައިވާ ނިންމުމެއް ކަމުގައި ހައިކޯޓުން ފާހަގަ ކޮށްފައިވާ ކަން ދައުލަތުން ފާހަގަ ކޮށްފައިވެއެވެ. އަދި މީޑިއާ ކައުންސިލުން ލިވިންގ އެލަވަންސް ހިމަނައިގެން މުސާރަ ދިނުމަށް ނިންމި ނިންމުމުގައި މުޙައްމަދު ޢާޡިމް ޢަބްދުލްހާދީގެ ބައިވެރިވުން އޮތްކަން ދައުލަތުން ފާހަގަ ކޮށްފައިވެއެވެ.

އިސްތިއުނާފީ ދެވަނަ ނުކުތާއަށް ރައްދުދެމުން ދައުލަތުން ފާހަގަ ކޮށްފައިވަނީ، ދައުލަތުގެ މާލިއްޔަތުގެ ޤާނޫނުގެ 47 ވަނަ މާއްދާގެ (ށ) މައްސަލައިގެ ވާޤިޢާތަކުގެ މައްޗަށް ތަޠުބީޤު ކޮށްފައިވަނީ ރަނގަޅަށް ނޫންކަމުގައި މުޙައްމަދު ޢާޡިމް ޢަބްދުލްހާދީގެ ފަރާތުން ބުނި ނަމަވެސް، ހައިކޯޓުން ދައުލަތުގެ މާލިއްޔަތުގެ ޤާނޫނުގެ 47 ވަނަ މާއްދާގެ (ށ) ތަޠުބީޤު ކޮށްފައިވާ ގޮތުން އުފެދޭ ޤާނޫނީ ބަހުސަކީ ކޮބައިކަމެއް މުޙައްމަދު ޢާޡިމް ޢަބްދުލްހާދީއަށް ބުނެދެވިފައި ނުވާކަމުގައެވެ. އަދި ބަހުސްގެ ބޭނުމަށްޓަކައި ބެލި ނަމަވެސް، ދައުލަތުގެ މާލިއްޔަތުގެ ޤާނޫނުގެ 47 ވަނަ މާއްދާގެ (ށ) ގައި ދައުލަތުގެ މާލިއްޔަތުގެ ޤާނޫނުގައި ނުވަތަ ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތް ނޫން ގޮތަކަށް ދައުލަތުގެ ފައިސާއިން ޚަރަދު ކުރުމަކީ އެ ޚަރަދު ކުރި މީހަކު ޒިންމާންޖެހޭނެ، އަދި ޤާނޫނު ހުއްދަ ނުކުރާ ޢަމަލެއް ކޮށްފި ކަމުގައި އެ މާއްދާގެ ބޭނުމަށް ބެލެވޭނެ ހާލަތެއް ކަމުގައެވެ. ވުމާއެކު ރައްޔިތުންގެ މަޖިލިހުން މީޑިއާ ކައުންސިލްގެ މެމްބަރުންނަށް ދިނުމަށް ފާސްކޮށްފައި ނުވާ އެލަވެންސެއް ހިމަނައިގެން މުސާރަ ދިނުމަށް މީޑިއާ ކައުންސިލުން ނިންމި ނިންމުމަކީ، ޤާނޫނާ އެއްގޮތަށް ނިންމާފައިވާ ނިންމުމެއް ނޫންކަމުގައެވެ. އަދި އެ ފަދަ ނިންމުމެއް ނިންމުމުގެ ބާރު އެ ކައުންސިލަށް ލިބިފައި ނުވާ ކަމުގައެވެ. މިކަން މި މޭރުމުން ހައިކޯޓުގެ ނިންމުމުގައި ފާހަގަ ކޮށްފައިވާ ކަމަށާއި، ހައިކޯޓުގެ ނިންމުން ޤާނޫނާ ޚިލާފު ކަމުގައި ދައުލަތުން ނުދެކޭ ކަމުގައި ދައުލަތުން ފާހަގަ ކުރެއެވެ.

އިސްތިއުނާފީ ތިންވަނަ ނުކުތާގެ ރައްދުގައިވެސް ދައުލަތުން ފާހަގަ ކޮށްފައިވަނީ ހައިކޯޓުން ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ 4.06 ގެ (ށ) އަދި (ރ) ތަޠުބީޤު ކޮށްފައިވަނީ ރަނގަޅަށް ނޫންކަމުގައި މުޙައްމަދު ޢާޡިމް ޢަބްދުލްހާދީގެ ފަރާތުން ފާހަގަ ކުރި ނަމަވެސް، އެކަމުގެ ސަބަބުން އުފެދޭ ޤާނޫނީ ބަހުސެއް އެ ފަރާތަށް ބުނެދެވިފައި ނުވާކަމުގައެވެ. އަދި ބަހުސްގެ ބޭނުމަށް ބެލި ނަމަވެސް، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ 4.06 ވަނަ މާއްދާގެ (ށ) އާއި (ރ) އަށް ރިޢާޔަތް ކޮށް ލިވިންގ އެލަވަންސަކީ މީޑިއާ ކައުންސިލްގެ މެމްބަރުންނަށް ކުރިން ލިބެމުން އައި އެލަވަންސެއް ކަމުގައި ނުވުމުގެ އިތުރަށް ރައްޔިތުންގެ މަޖިލިހުން ފާސްކުރި މުސާރައިގެ އޮނިގަނޑުގައި ވެސް އެ ކައުންސިލްގެ މެމްބަރުންނަށް ދިނުމަށް ނިންމާފައިވާ އެލަވަންސެއް ކަމުގައިނުވާއިރު، ބަޖެޓްގައި ލިވިންގ އެލަވަންސްއަށް ފައިސާ ހިމެނިފައި ވީނަމަވެސް، ފިނޭންސް މިނިސްޓްރީއަށް ލިޔެ ބަޖެޓް އައިޓަމުން ޚަރަދު ކުރުމުގެ ހުއްދަ ހޯދަންޖެހޭނެ ކަމުގައެވެ. މިފަދައިން ޢަމަލު ކޮށްފައި ނުވާކަން ހައިކޯޓުގެ ނިންމުމުގައި ބަޔާން ކޮށްފައިވާއިރު، އެ ނިންމުމަކީ ޤާނޫނާ ޚިލާފު ނިންމުމެއް ކަމުގައި ދައުލަތުން ނުދެކޭކަން ފާހަގަ ކޮށްފައިވެއެވެ.

އިސްތިއުނާފީ ހަތަރުވަނަ ނުކުތާގެ ރައްދުގައި ވެސް ހައިކޯޓުގެ ނިންމުން ޤާނޫނާ ޚިލާފުވާ ސަބަބެއް މުޙައްމަދު ޢާޡިމް ޢަބްދުލްހާދީއަށް ބުނެ ދެވިފައިނުވާ ކަމުގައި ދައުލަތުން ފާހަގަ ކޮށްފައިވެއެވެ. އަދި މި މައްސަލަގައި ވާހަކަ ދެކެވޭ ލިވިންގ އެލަވަންސްގެ ފައިސާއަކީ، މީޑިއާ ކައުންސިލްގެ މެމްބަރުންނަށް ދިނުމަށް ރައްޔިތުންގެ މަޖިލިހުން ފާސްކޮށްފައިވާ ފައިސާއެއް ނޫންކަމުގައިވާތީ، ލިވިންގ އެލަވަންސްގެ ފައިސާގެ ގޮތުގައި މުޙައްމަދު ޢާޡިމް ޢަބްދުލްހާދީގެ އެކައުންޓަށް ޖަމާވެފައިވާ ފައިސާ ހޯދުމަކީ މޯލްޑިވްސް މީޑިއާ ކައުންސިލްގެ ޤާނޫނުގެ 19 ވަނަ މާއްދާގެ (ށ) ގެ މަގުސަދަށްޓަކައި ރައްޔިތުންގެ މަޖިލިހުން މީޑިއާ ކައުންސިލްގެ މެމްބަރުންނަށް ދިނުމަށް ކަނޑައަޅާފައިވާ އުޖޫރައެއް އުނި ކުރުމެއް ކަމުގައި ޤާނޫނީ ގޮތުން ނުބެލެވޭނެ ކަމުގައެވެ. އަދި މިކަން މިގޮތަށް ހައިކޯޓުގެ ނިންމުމުގައި ފާހަގަކޮށްފައިވާއިރު، އެ ނިންމުން ޤާނޫނާ ޚިލާފު ކަމުގައި ދައުލަތުން ނުދެކޭ ކަމުގައެވެ.

މި ބަޔާން ކުރި ކަންކަން ދައުލަތުން ފާހަގަ ކުރުމަށްފަހު ދައުލަތުން އެދިފައިވަނީ މި މައްސަލައިގައި ހައިކޯޓުން ނިންމާފައިވާ ނިންމުމަށް ބަދަލު ގެންނަންޖެހޭނެ ތަނެއް ނެތްކަމުގައި ކަނޑައަޅައި މި މައްސަލަ ނިންމައި ދިނުމަށެވެ.

ދައުވާގެ އަސާސް

މި މައްސަލައިގައި ވާހަކަ ދެކެވޭ ލިވިންގ އެލަވަންސްގެ ފައިސާ އަނބުރާ ހޯދުމަށް މުޙައްމަދު ޢާޡިމް ޢަބްދުލްހާދީގެ މައްޗަށް ދައުލަތުން ދަޢުވާ ކޮށްފައިވަނީ މާލިއްޔަތުގެ ޤާނޫނުގެ 47 ވަނަ މާއްދާގެ (ށ) އާއި، މާލިއްޔަތުގެ ގަވާއިދު 4.06 ގެ (ށ) އަދި (ރ) ގެ ދަށުންނެވެ. މި ދަޢުވާ މުޙައްމަދު ޢާޡިމް ޢަބްދުލްހާދީގެ މައްޗަށް އުފުލުނު ދުވަހުން ފެށިގެން ހުރިހާ މަރުޙަލާއެއްގައި މި ދަޢުވާ، މި ޤާނޫނީ އަސާސްތަކުގެ މައްޗަށް މުޙައްމަދު ޢާޡިމް ޢަބްދުލްހާދީގެ މައްޗަށް ކުރެވިގެން ނުވާނެ ކަމުގައި މުޙައްމަދު ޢާޡިމް ޢަބްދުލްހާދީ ބުނެއެވެ.

ސުޕްރީމް ކޯޓަށް ހުށަހެޅުނު އިސްތިއުނާފީ އެންމެ ފުރަތަމަ ތިން ނުކުތާގައި ވެސް މުޙައްމަދު ޢާޡިމް ޢަބްދުލްހާދީގެ ފަރާތުން މައިގަނޑު ގޮތެއްގައި ފާހަގަ ކޮށްފައިވަނީ ދައުލަތުގެ މާލިއްޔަތުގެ ޤާނޫނާއި، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ ދަށުން މުޙައްމަދު ޢާޡިމް ޢަބްދުލްހާދީގެ މައްޗަށް ދަޢުވާ ކުރެވިގެން ނުވާނެ ކަމަށާއި، މުޙައްމަދު ޢާޡިމް ޢަބްދުލްހާދީ އެ ޤާނޫނާ ޚިލާފު ވެފައި ނުވާކަމުގައެވެ.

ދައުލަތުގެ މާލިއްޔަތުގެ ޤާނޫނުގެ 47 ވަނަ މާއްދާ ތިރީގައި މިވަނީއެވެ.

ހުއްދަނޫން ޢަމަލުކުރުން 47. އަންނަނިވި ޙާލަތުތަކުގައި، އެ ޙާލަތެއްގައި ޒިންމާވާންޖެހޭ މީހަކު، ހުއްދަނޫން ޢަމަލެއްކޮށްފި ކަމުގައި މި ޤާނޫނުގެ ދަށުން ބެލެވޭނެއެވެ.

(ހ) ދައުލަތުގެ ފައިސާ، ނުވަތަ މުދާނެގުމާއި، ނުވަތަ އަނބުރާ ހޯދުމާއި، ނުވަތަ ޖަމާކުރުމުގެ، ނުވަތަ ހިސާބުތަކަށް ވެއްދުމުގެ ޒިންމާ އުފުލަންޖެހޭ މީހަކަށްވެ ހުރެ، ފައިސާ ނުވަތަ މުދާ ނެގުމަށް، ނުވަތަ އަނބުރާ ހޯދުމަށް، ނުވަތަ ޖަމާކުރުމަށް، ނުވަތަ ހިސާބުތަކަށް ވެއްދުމަށް އިހުމާލުވުން؛ ނުވަތަ

(ށ) މި ޤާނޫނުގައި، ނުވަތަ ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތްނޫން ގޮތަކަށް ދައުލަތުގެ ފައިސާއިން ޚަރަދުކުރުން، ނުވަތަ ދައުލަތުގެ މުދަލެއް ވިއްކާލުން، ނުވަތަ ނައްތާލުން، ނުވަތަ ދޫކޮށްލުން؛ ނުވަތަ

(ނ) ޒިންމާވާންޖެހޭ ދައުލަތުގެ ފައިސާ މަދުވުން؛ ނުވަތަ

(ރ) ޒިންމާވާންޖެހޭ ދައުލަތުގެ މުދަލަކަށް ގެއްލުމެއްވުން.

މި މާއްދާއަށް ބަލާއިރު ދައުލަތުން ޙަވާލާދޭ (ށ) އަކީ އެ މާއްދާގެ (ހ) އާއެކު ކިޔަންޖެހޭނެ މާއްދާއެކެވެ. ސަބަބަކީ އެ މާއްދާގެ ދަށުން ހުއްދަ ނޫން ޢަމަލު ކުރާ މީހާއަކީ ކޮބައިކަން ބުނެދެނީ އެ މާއްދާގެ (ހ) އިންނެވެ. އެ އަކުރުގައި އެމީހާގެ ކިބައިގައި ހުންނަންޖެހޭ އެއް ޝަރުޠަކީ "ދައުލަތުގެ ފައިސާ، ނުވަތަ މުދާނެގުމާއި، ނުވަތަ އަނބުރާ ހޯދުމާއި، ނުވަތަ ޖަމާކުރުމުގެ، ނުވަތަ ހިސާބުތަކަށް ވެއްދުމުގެ ޒިންމާ އުފުލަންޖެހޭ މީހަކަށް" އެ މީހާ ވުމެވެ.

މާލިއްޔަތުގެ ގަވާއިދުގެ 4.06 އަށް ބަލާއިރު، އެ މާއްދާއަކީ ޚަރަދު ކުރަންޖެހޭ ބަޖެޓް އައިޓަމަކުން ޚަރަދު ކުރުމާއި، ބަޖެޓްގައިވާ ވަރަށްވުރެ އިތުރަށް ޚަރަދު ނުކުރުމާ ގުޅޭ އުސޫލުތައް ލިޔެފައިވާ މާއްދާއެވެ. މި މާއްދާގެ (ށ) އޮތީ އަންނަނިވި ޢިބާރާތެވެ.

"ބަޖެޓްގައި ކަނޑައެޅިފައިނުވާ ކަމަކަށް ބަޖެޓުން ޚަރަދު ކޮށްގެން ނުވާނެއެވެ. ބަޖެޓްގައި ކަނޑައެޅިފައި ނުވާ ކަމަކަށް ޚަރަދެއް ކުރަން ބޭނުންވާނަމަ، އެ ޚަރަދެއް ކުރަންވާނީ އެ ޚަރަދެއް ކުރަން ބޭނުންވާ ސަބަބާއެކު، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓެރެޜަރީއަށް ހުށަހަޅައި އެ ޚަރަދެއް ކުރުމުގެ ހުއްދަ ލިޔުމުން ލިބުމަށް ފަހުގައެވެ."

އަދި އެ މާއްދާގެ (ރ) ގައި އޮތީ،

"ވަކި ކަމަކަށް ބަޖެޓްގައި ފައިސާ ކަނޑައެޅިފައި އޮތް ކަމުގައި ވިޔަސް އެކަމަކީ އާންމުކޮށް ހިނގާ ކަމަކަށް ނުވާނަމަ، އެކަމެއް ފެށުމުގެ ކުރިން މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓެރެޜަރީއަށް ލިޔެގެން ހުއްދަ ހޯދަންވާނެއެވެ." މި ފަދައިންނެވެ.

ދައުލަތުގެ މާލިއްޔަތުގެ ޤާނޫނާއި، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައި ދައުލަތުގެ މާލީ އިންތިޒާމުތައް ތަރުތީބު ކުރެވިފައިވާ ގޮތަށް ބަލާއިރު، ދައުލަތުގެ މަސްއޫލު އޮފީސްތަކާއި، މިނިވަން މުއައްސަސާތަކާއި، ކައުންސިލްތަކުގެ އެންމެހައި މުވައްޒަފުންނަކީ މާލީ ކަންކަމާ ގުޅިގެން މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީއާ މުޢާމަލާތު ކުރަންޖެހޭ ބައެއް ނޫނެވެ. އެ ފަދަ މުޢާމަލާތުތައް ކުރުމަށްޓަކައި ކޮންމެ އިދާރާއެއްގައި މާލީ ޒިންމާދާރު ވެރިއެއް ހުންނަންޖެހެއެވެ. ނުވަތަ އެ މަޤާމުގެ މަސްއޫލިއްޔަތު އަދާ ކުރުމުގެ އިންތިޒާމު ހަމަޖެހިފައި އޮންނަން ޖެހެއެވެ.

މި މައްސަލައިގެ ވާޤިޢާތަކަށް ބަލާއިރު، މުޙައްމަދު ޢާޡިމް ޢަބްދުލްހާދީ ޤާނޫނާ ޚިލާފަށް ކުރި ޢަމަލެއްގެ ގޮތުގައި ދައުލަތުން ބުނާ ޢަމަލަކީ، ރައްޔިތުންގެ މަޖިލިހުން މީޑިއާ ކައުންސިލްގެ މެމްބަރުންނަށް ދިނުމަށް ފާސްކޮށްފައި ނުވާ ލިވިންގ އެލަވަންސްގެ ފައިސާ ހިމަނައިގެން މުސާރަ ޝީޓް ހެދުމަށް މީޑިއާ ކައުންސިލުން ނިންމި ނިންމުމުގައި ބައިވެރިވެ، 2011 ޖެނުއަރީ މަހުން ފެށިގެން ލިވިންގ އެލަވަންސްގެ ގޮތުގައި މަހަކު 7500 ރުފިޔާ ނެގުމެވެ.

ބަޖެޓްގައި ހިމެނިފައިވާ ފައިސާއެއް ހިމަނައިގެން މުސާރަ ޝީޓް ހެދުމަށް އެންގުމަކީ ކައުންސިލަށް ލިބިގެންވާ ބާރެއްކަން ނުވަތަ ނޫންކަމަށް ބަލާއިރު، ދައުލަތުގެ އިދާރާއެއްގެ ގޮތުގައި މަސައްކަތް ކުރުމަށްޓަކައި ކައުންސިލްގެ އެންމެހައި ކަންކަން ހިންގައި ބެލެހެއްޓުމަކީ ކައުންސިލްގެ ރައީސަށް ޤާނޫނުން ލިބިދީފައިވާ ބާރެކެވެ. އަދި ކައުންސިލްގެ ގަވާއިދު ހަދައި ހިންގުމަކީ މީޑިއާ ކައުންސިލުގެ ޤާނޫނުގެ 32 ވަނަ މާއްދާއިން ކައުންސިލަށް ލިބޭ ބާރެކެވެ. ކައުންސިލްގެ ގަވާއިދަށް ބަލާއިރު، ކައުންސިލްގެ އިދާރީ ހިންގުމުގައި މެމްބަރުންގެ މަޝްވަރާ ހޯދުމުގެ ބާރު ކައުންސިލްގެ ރައީސަށް އެ ގަވާއިދުގެ 35 ވަނަ މާއްދާގެ (ލ) އިން ލިބިދީފައިވެއެވެ. ކަން މިހެން އޮތުމުން ޢާންމު އިދާރީ ހިންގުމުގެ ތެރެއިން ބަޖެޓްގައި ހިމެނިފައިވާ ފައިސާއެއް ޚަރަދު ކުރުމާމެދު މެމްބަރުންނަށް ގޮތެއް ނިންމުމަކީ ޤާނޫނު މަނާކުރާ ކަމެއް ކަމުގައި ނުދެކެމެވެ.

އެހެން ނަމަވެސް، ޤާނޫނެއްގައި ކަނޑައެޅިގެން ވަކި ގޮތަކަށް ބަޔާން ކޮށްފައި ނުވާނަމަ، މި ފަދަ ދައުލަތުގެ މާލީ ކަންކަމާ ގުޅޭ ނިންމުންތަކަކީ، ދައުލަތުގެ މާލިއްޔަތުގެ ޤާނޫނާއި، ދައުލަތުގެ މާލިއްޔަތު ގަވާއިދާއި، އެ ނޫންވެސް މާލީ ކަންކަމާ ގުޅޭ އުސޫލުތަކުގެ މައްޗަށް އިތުރު ބާރުވެރިކަމެއް ލިބޭނެ ނިންމުންތަކެއް ނޫނެވެ. އަދި މި ފަދަ ނިންމުންތަކަކީ، ދައުލަތުގެ މާލިއްޔަތުގެ ޤާނޫނާއި، ދައުލަތުގެ މާލިއްޔަތު ގަވާއިދާއި، އެ ނޫންވެސް މާލީ ކަންކަމާ ގުޅޭ އުސޫލުތަކުގައި ބަޔާން ކޮށްފައިވާ ފަރާތްތަކުގެ މަސްއޫލިއްޔަތުތައް ހަނި ކުރެވޭނެ ނުވަތަ އެ ޒިންމާތަކުން އެއިން ފަރާތެއް ބަރީއަ ކުރެވޭނެ ނިންމުންތަކެއް ވެސް ނޫނެވެ. އެހެނީ މިއީ ޤާނޫނުތަކުގައި އެކަށައަޅާފައިވާ ޚާއްޞަ އިދާރީ އިންތިޒާމުތަކެކެވެ.

ކަންމިހެން އޮތުމުން ވަކި ކަމަކަށް ބަޖެޓްގައި ފައިސާ ކަނޑައެޅިފައި އޮތް ކަމުގައި ވިޔަސް އެކަމަކީ ޢާންމުކޮށް ހިނގާ ކަމަކަށް ނުވާނަމަ، އެ ކަމެއް ފެށުމުގެ ކުރިން މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީއަށް ލިޔެގެން ހުއްދަ ހޯދުން ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުން ލާޒިމު ކުރާއިރު، އެ ހުއްދަ ހޯދުމުގެ ޒިންމާ ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުން ލާޒިމު ކޮށްފައިވަނީ ޒިންމާދާރު ވެރިޔާ ނުވަތަ މާލީ ޒިންމާދާރު ވެރިޔާއާއެވެ. އެހެނީ ދައުލަތުގެ މާލިއްޔަތުގެ ޤާނޫނާއި ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު ހިންގުމަށްޓަކައި ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުމަކީ އެ ގަވާއިދުގެ 10 ވަނަ ބާބުގައި ޒިންމާދާރު ވެރިޔާގެ މަސްއޫލިއްޔަތެއްގެ ގޮތުގައި ބަޔާންކޮށްފައިވާ ކަމެކެވެ.

ވުމާއެކު، ދައުލަތުގެ ދަޢުވާގައި ޙަވާލާ ދީފައިވާ ދައުލަތުގެ މާލިއްޔަތުގެ ޤާނޫނާއި ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ މާއްދާތަކާ ޚިލާފަށް މި މައްސަލައިގައި މުޙައްމަދު ޢާޡިމް ޢަބްދުލްހާދީ ކުރި ޢަމަލެއް ނުވަތަ ނުކޮށް ދޫކޮށްލި ޢަމަލެއް އޮތްކަމުގައި އަހުރެން ނުދެކެމެވެ. އަދި މުޙައްމަދު ޢާޡިމް ޢަބްދުލްހާދީ ދައުލަތުގެ މާލިއްޔަތުގެ ޤާނޫނާއި، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ ޚިލާފުވިކަމުގައި ހައިކޯޓުން ނިންމާފައިވަނީ ޤާނޫނީ އުސޫލުތަކާ އެއްގޮތަށް ކަމުގައި ނުދެކެމެވެ.

މި ނިންމުމަށް ވާސިލުވުމަށް އަހުރެންނަށް ބުރަވި މުހިންމު އެއް ސަބަބަކީ، މި މައްސަލައިގައި ދެ ފަރާތުންހުށަހަޅާފައިވާ ލިޔުންތަކަށް ބަލާއިރު، މީޑިއާ ކައުންސިލުން ލިވިންގ އެލަވަންސް ދިނުމަށް ނިންމި ނިންމުމަކީ ކޮބައިކަން ސާފުވެފައި ނުވެއެވެ. އެ ކައުންސިލުން އެކަމާމެދު ނިންމި ގޮތެއް، އެ ނިންމުން ނިންމި ޖަލްސާގެ ނުވަތަ ބައްދަލުވުމުގެ ޔައުމިއްޔާ ފަދަ ލިޔުމެއް މައްސަލައިގެ ލިޔުންތަކުގެ ތެރޭގައި ހިމެނިފައިނުވެއެވެ. މިފަދަ ހެކި ހުރެ، އެއިން ހެއްކަކުން ދައުލަތުގެ ދަޢުވާއަށް ބާރުލިބޭނަމަ މި ނުކުތާއާމެދު އިތުރު ގޮތަކަށް ވިސްނުމުގެ ފުރުސަތު އޮތީހެވެ.

ލިވިންގ އެލަވަންސްގެ ފައިސާ އަނބުރާ ރައްދު ކުރަން ޖެހުމާމެދު

އިސްތިއުނާފީ ނުކުތާތަކުގައި، ވަކިން ޚާއްޞަކޮށް އިސްތިއުނާފީ އެންމެ ފުރަތަމަ ތިން ނުކުތާގައި މުޙައްމަދު ޢާޡިމް ޢަބްދުލްހާދީ ތަކުރާރުކޮށް ފާހަގަކުރާ އެއްކަމަކީ، މި މައްސަލައިގައި ވާހަކަ ދެކެވޭ ލިވިންގ އެލަވަންސަކީ މީޑިއާ ކައުންސިލްގެ މެމްބަރުންނަށް ދިނުމަށް ރައްޔިތުންގެ މަޖިލީހުން 29 ޑިސެމްބަރ 2010 ގައި ފާސްކޮށްފައިވާ އެލަވަންސެއް ކަމުގައެވެ.

މި މައްސަލައިގައި ޚިލާފެއް ނެތް އެއް ވާޤިޢާއަކީ 28 ޑިސެމްބަރ 2010 ގައި ރައްޔިތުންގެ މަޖިލިހުން ފާސްކޮށްފައިވާ މުސާރައިގެ އޮނިގަނޑުގައި މީޑިއާ ކައުންސިލްގެ މެމްބަރުންނަށް ލިވިންގ އެލަވަންސެއް ދިނުމަށް ނިންމާފައިނުވެއެވެ. ނަމަވެސް، ޖެހިގެން އައި 29 ޑިސެމްބަރ 2010 ގައި ރައްޔިތުންގެ މަޖިލިހުން 2011 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓް ފާސްކުރިއިރު، މީޑިއާ ކައުންސިލްގެ ބަޖެޓްގައި ލިވިންގ އެލަވަންސްގެ ފައިސާގެ ގޮތުގައި ބަޖެޓް އައިޓަމް ކޯޑު 212 014 ގައި 1,350,000/- (އެއް މިލިޔަން ތިން ލައްކަ ފަންސާސް ހާސް) ރުފިޔާ ހިމަނާފައިވެއެވެ. ސުވާލަކީ، މީޑިއާ ކައުންސިލްގެ މެމްބަރުންގެ މުސާރައިގެ އޮނިގަނޑުގައި ލިވިންގ އެލަވަންސެއް ހިމަނާފައި ނުވިނަމަވެސް، މިޑީއާ ކައުންސިލްގެ ބަޖެޓްގައި ލިވިންގ އެލަވަންސްގެ ފައިސާ ހިމަނާފައިވުމުން ރައްޔިތުންގެ މަޖިލިހުން މީޑިއާ ކައުންސިލްގެ މެމްބަރުންނަށް ލިވިންގ އެލަވެންސެއް ދިނުމަށް ނިންމާފައިވާ ނިންމުމެއް ކަމުގައި ބެލިދާނެ ހެއްޔެވެ؟

ދައުލަތުގެ ބަޖެޓަކީ، މާލީ އަހަރެއް ފެށުމުގެ ކުރިން އެ އަހަރަކަށް ދައުލަތުން ހިނގާނޭ ކަމަށް ލަފާކުރާ ޚަރަދާއި ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރާ އާމްދަނީގެ ހިސާބުތަކެވެ. ޤާނޫނުއަސާސީގެ 96 ވަނަ މާއްދާގެ (ނ) އަށް ރިޢާޔަތް ކުރާއިރު، ޢާންމު އުސޫލެއްގެ ގޮތުން ރައްޔިތުންގެ މަޖިލިހުން ފާސްކޮށްފައިވާ ބަޖެޓްގައި ވަކި ކަމަކަށް ޚަރަދެއް ކުރުމަށް ކަނޑައަޅާފައިވާނަމަ، އެ ޚަރަދެއް ކުރުމަށް އެ މަޖިލިހުން ހުއްދަ ދިނީ ކަމުގައި ބެލެވިދާނެއެވެ. ނަމަވެސް މިއީ އެކަމަށް ޤާނޫނީ އިތުރު ހިފެހެއްޓުމެއް ނެތްނަމައެވެ. އަދި މިއީ ދައުލަތުގެ މާލިއްޔަތުގެ އުސޫލުތައް ތަރުތީބު ކުރެވިފައިވާ ގޮތުން ބަޖެޓްގައި ހިމެނިފައިވާ ފައިސާއެއް ޚަރަދު ކުރުމުގައި ފުރިހަމަ ކުރަންޖެހޭ އިތުރު އިޖުރާއަތުތައް ފުރިހަމަ ކުރަން ނުޖެހޭނެ ކަމުގައި ބުނާ ބުނުމެއް ވެސް ނޫނެވެ.

ރައްޔިތުންގެ މަޖިލިހުން ކަނޑައަޅާ މުސާރައިގެ އޮނިގަނޑަކީ، ވަކި މަޤާމުތަކެއްގެ މުސާރައާއި ޢިނާޔަތްތައް ކަނޑައެޅުމަށް ޤާނޫނުއަސާސީ އާއި ޤާނޫނުން ރައްޔިތުންގެ މަޖިލިހަށް ލިބިދީފައިވާ ބާރުގެ ދަށުން އެ މަޖިލިހުން ކަނޑައަޅާ އޮނިގަނޑެވެ. މި އޮނިގަނޑުގައި ވަކިވަކި މަޤާމުތަކަށް ދޭނެ ވަކިވަކި މުސާރަ އާއި ޢިނާޔަތްތަކާއި، އެއިގެ މިންވަރު ތަފުސީލުކޮށް ބަޔާން ކޮށްފައި ވެއެވެ. ކުރު ގޮތަކަށް ބުނާނަމަ ރައްޔިތުންގެ މަޖިލިހުން ކަނޑައަޅާ މުސާރައިގެ އޮނިގަނޑަކީ، ވަކި މަޤާމެއްގައި ހުންނަ މީހަކަށް ދިނުމަށް އެ މަޖިލިހުން ހުއްދަކުރާ މުސާރަ އާއި ޢިނާޔަތްތައް ބަޔާންކުރާ އޮނިގަނޑެވެ.

ދައުލަތުގެ ބަޖެޓް އެކުލަވާލުމާ ގުޅޭ ޤާނޫނީ އުސޫލުތަކަށް ބަލާއިރު، ދައުލަތުގެ މަސްއޫލު އޮފީސްތަކުން ބަޖެޓް އެކުލަވައިލުމުގައި މަސްއޫލު އޮފީހަކުން ހިނގާނެ ކަމަށް ލަފާކުރާ ޚަރަދު ހިމަނަން ޖެހެއެވެ. މިފަދައިން ހިނގާނެ ޚަރަދުގެ މިންވަރު ލަފާކުރުމުގައި، އެ މިންވަރަކީ ރައްޔިތުންގެ މަޖިލިހުން ނުވަތަ އެ ނޫންވެސް އިދާރާއަކުން ކަނޑައަޅަންޖެހޭ ޢަދަދެއް ނަމަ އެ ޢަދަދުގެ ލަފާ ނުވަތަ އަންދާޒާ އަކަށްވާނީ ރައްޔިތުންގެ މަޖިލިހުން ނުވަތަ އެ އިދާރާއަކުން އެ ޚަރަދަކަށް ކަނޑައަޅާފައިވާ މިންވަރެވެ.

މި އުސޫލުތައް މި މައްސަލައަށް ތަޠުބީޤު ކުރުމަށް ބަލާއިރު، މީޑިއާ ކައުންސިލްގެ ރައީސާއި ނައިބުރައީސާއި، މެމްބަރުންނަށް ދެވޭ އުޖޫރައާއި އެހެނިހެން މާލީ ޢިނާޔަތްތައް ކަނޑައެޅުމުގެ ބާރު މޯލްޑިވްސް މީޑިއާ ކައުންސިލުގެ ޤާނޫނުގެ 19 ވަނަ މާއްދާގެ (ހ) އިން ލިބިފައިވަނީ ރައްޔިތުންގެ މަޖިލިހަށެވެ. ރައްޔިތުންގެ މަޖިލިހުން މީޑިއާ ކައުންސިލުގެ މެމްބަރުންނަށް ލިވިންގ އެލަވަންސެއް ދިނުމަށް އިސްތިއުނާފު ކުރެވިފައިވާ މައްސަލައިގެ ހާދިސާ ކުރިމަތިވި އަހަރުގެ ކުރިން ނިންމާފައި ނުވެއެވެ. މިއީ މި މައްސަލައިގައި ޚިލާފެއް އޮތް ވާޤިޢާއެއް ނޫނެވެ.

އަދި މީޑިއާ ކައުންސިލުގެ މުސާރައިގެ އޮނިގަނޑު ހިމެނޭހެން 28 ޑިސެމްބަރ 2010 ގައި ރައްޔިތުންގެ މަޖިލިހުން ފާސްކޮށްފައިވާ މުސާރައިގެ އޮނިގަނޑުގައި ވެސް މީޑިއާ ކައުންސިލުގެ މެމްބަރުންނަށް ލިވިންގ އެލަވަންސެއް ދިނުމަށް ނިންމާފައި ނުވެއެވެ. މީގެ އިތުރުން އެ އޮނިގަނޑުގައި "އެކިއެކި މަޤާމުތަކަށް މާލިއްޔަތު ކޮމިޓީން ހުށަހަޅާފައިވާ ޖުމުލަ މުސާރައާއި އެހެނިހެން އެލަވަންސްތަކުގެ އިތުރުން އެކިއެކި ޤާނޫނުތަކުގެ ދަށުން އެ ބޭފުޅުންނަށް ލިބިދެވޭ ޢިނާޔަތްތައް ފިޔަވައި، އެހެން އެއްވެސް ޢިނާޔަތެއް ލިބި ނުދެވޭނެއެވެ." މި ފަދައިން ބަޔާން ވެސް ކޮށްފައިވެއެވެ. މީގެ މާނައަކީ، ރައްޔިތުންގެ މަޖިލިހަށްވުމާއެކު، އުސޫލެއްގެ ގޮތުން ރައްޔިތުންގެ މަޖިލިހުން ދިނުމަށް ނިންމާފައި ނުވާ އެލަވަންސެއް ހިމަނައިގެން ބަޖެޓް ތައްޔާރު ކުރެވިގެން ނުވާނެއެވެ. އަދި އެ ޢަދަދު ބަޖެޓްގައި ހިމެނި ބަޖެޓް ފާސްކުރި ނަމަވެސް، މޯލްޑިވްސް މީޑިއާ ކައުންސިލުގެ ޤާނޫނުގެ 19 ވަނަ މާއްދާގެ (ހ) ގެ ބޭނުމަށްޓަކައި، ލިވިންގ އެލަވަންސަކީ ރައްޔިތުންގެ މަޖިލިހުން މީޑިއާ ކައުންސިލުގެ މެމްބަރުންނަށް ދިނުމަށް ކަނޑައަޅާފައިވާ އެލަވަންސެއް ކަމުގައި ބަލާނެ ޖާގައެއް އޮތް ކަމުގައި އަހުރެން ނުދެކެމެވެ. ފާސްކޮށްފައިވާ ބަޖެޓަކުން ޚަރަދު ކުރުމުގެ ހުއްދަ ޢާންމު މާނައިގައި ލިބޭނެ ކަމުގައި ބެލި ނަމަވެސް، މި ހާލަތުގައި، މޯލްޑިވްސްމީޑިއާ ކައުންސިލުގެ ޤާނޫނުގެ 19 ވަނަ މާއްދާގެ (ހ) ގެ ބޭނުމަށްޓަކައި، ރައްޔިތުންގެ މަޖިލިހުން މި އެލަވަންސް ދިނުމާމެދު އިތުރު ނިންމުމެއް ނިމިފައި އޮންނަންޖެހެއެވެ.

ކަންމިހެން އޮތުމުން، މުޙައްމަދު ޢާޡިމް ޢަބްދުލްހާދީއަށް ލިވިންގ އެލަވަންސްގެ ގޮތުގައި ލިބިދީފައިވާ ފައިސާ އަނބުރާ ދެއްކުމަށް އަންގައި ހައިކޯޓުން ނިންމާފައިވާ ނިންމުމަކީ ޤާނޫނީ އުސޫލުތަކާ އެއްގޮތަށް އަންގާފައިވާ އެންގުމެއް ކަމުގައި އަހުރެން ދެކެމެވެ.

މެމްބަރުކަމުގެ މުއްދަތުގައި އުޖޫރަ އުނި ނުކުރުން

އިސްތިއުނާފީ ހަތަރުވަނަ ނުކުތާގައި މުޙައްމަދު ޢާޡިމް ޢަބްދުލްހާދީގެ ފަރާތުން ފާހަގަކޮށްފައިވަނީ، މި މައްސަލައިގައި ވާހަކަ ދެކެވޭ ލިވިންގ އެލަވަންސްގެ ފައިސާ އަނބުރާ ދައުލަތުން ހޯދުމަކީ މޯލްޑިވްސް މީޑިއާ ކައުންސިލުގެ ޤާނޫނުގެ 19 ވަނަ މާއްދާގެ (ށ) ގެ މަގުސަދަށްޓަކައި ރައްޔިތުންގެ މަޖިލިހުން މީޑިއާ ކައުންސިލުގެ މެމްބަރުންނަށް ދިނުމަށް ކަނޑައަޅާފައިވާ އުޖޫރައެއް އުނިކުރުން ކަމުގައި ނުބެލެވޭނެ ކަމުގައި ހައިކޯޓުން ނިންމާފައިވަނީ މި މައްސަލައިގައި ހުށަހެޅިފައިވާ ހެކިތައް ރަނގަޅަށް ވަޒަންކުރުމެއް ނެތި ކަމުގައިވާތީ އެ ނިންމުން ޤާނޫނާ ޚިލާފު ކަމުގައެވެ. އެހެން ގޮތަކަށް ބުނާނަމަ، ރައްޔިތުންގެ މަޖިލިހުން 29 ޑިސެމްބަރ 2010 ގައި ފާސްކޮށްފައިވާ ބަޖެޓްގައި ލިވިންގ އެލަވަންސްގެ ފައިސާ ހިމަނާފައިވާ ހާލަތުގައި އެ ފައިސާއަކީ މީޑިއާ ކައުންސިލުގެ މެމްބަރުންނަށް ލިބިދެވޭނެ ފައިސާއެއް ކަމުގައެވެ. އަދި އެ ފައިސާ އުނިކުރުން ވެގެންދާނީ މީޑިއާ ކައުންސިލުގެ ޤާނޫނާ ޚިލާފު ކަމެއް ކަމުގައެވެ.

އަހުރެންގެ މި ރައުޔުގެ 28 ވަނަ ޕެރެގްރާފުން ފެށިގެން 33 ވަނަ ޕެރެގްރާފުގެ ނިޔަލަށް މި މައްސަލައިގައި ވާހަކަ ދެކެވޭ ލިވިންގ އެލަވަންސްގެ ފައިސާއަކީ މީޑިއާ ކައުންސިލުގެ މެމްބަރުންނަށް ދިނުމަށް ރައްޔިތުންގެ މަޖިލިހުން ނިންމާފައިވާ ފައިސާއެއް ނޫން ކަމުގައި ދެކޭ ސަބަބުތައް ތަފުސީލު ކޮށްފީމެވެ. އެ ސަބަބުތައް އެހެން ހުރުމުން އެ ފައިސާ އަނބުރާ ރައްދު ކުރުމަކީ، މޯލްޑިވްސް މީޑިއާ ކައުންސިލުގެ ޤާނޫނުގެ 19 ވަނަ މާއްދާގެ (ށ) ގެ މަގުސަދަށްޓަކައި ބަހުސްކުރުމުގެ ޖާގަ އޮތް ކަމެއް ކަމުގައި ނުދެކެމެވެ. އަދި މި ކަމުގައި ހައިކޯޓުން ނިންމާފައިވާ ނިންމުން ޤާނޫނާ ޚިލާފު ކަމުގައި ބަލާނެ ޖާގައެއް އޮތްކަމުގައި ނުދެކެމެވެ.

މައްސަލަ ނިންމަން ފެންނަ ގޮތް

މި މައްސަލައިގައި ތަފުސީލުކޮށް މި ބަޔާންކުރި ސަބަބުތަކުގެ އަލީގައި މި މައްސަލަ ނިންމަން ފެންނަ ގޮތް ތިރީގައި މިވަނީއެވެ.

މީޑިއާ ކައުންސިލްގެ މެމްބަރެއްގެ ގޮތުގައި ހުރެ ދައުލަތުގެ މާލިއްޔަތުގެ ޤާނޫނާއި، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ ޚިލާފަށް މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ހުއްދަ ހޯދުމެއް ނެތި ލިވިންގ އެލަވަންސްގެ ގޮތުގައި -/67،500 (ފަސްދޮޅަށް ހަތްހާސް ފަސްސަތޭކަ) ރުފިޔާ މުޙައްމަދު ޢާޡިމް ޢަބްދުލްހާދީ ނަގާފައިވާ ކަމަށް ހައިކޯޓުން ނިންމާފައިވަނީ ޤާނޫނީ އުސޫލުތަކާ އެއްގޮތަށް ނޫން ކަމުގައި ކަނޑައެޅުމަށާއި،

މުޙައްމަދު ޢާޡިމް ޢަބްދުލްހާދީއަށް ލިވިންގ އެލަވަންސްގެ ގޮތުގައި ޖަމާވެފައިވާ ފައިސާއަކީ އަނބުރާ ދައުލަތަށް ދައްކަންޖެހޭ ފައިސާއެއް ކަމުގައި ހައިކޯޓުން ނިންމާފައިވަނީ ޤާނޫނާ އެއްގޮތަށް ކަމުގައި ކަނޑައަޅައި މި މައްސަލަ ނިންމަން އަހުރެންނަށް ފެނެއެވެ.

ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރައުޔު

މި މައްސަލައިގައި ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންގެ ރައުޔު

މި މައްސަލައިގައި ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

ޙުކުމް

ދެންފަހެ، މަތީގައި ބަޔާންކުރެވުނު ސަބަބުތައް އެހެން ހުރުމުން،

މީޑިއާ ކައުންސިލްގެ މެމްބަރެއްގެ ގޮތުގައި ހުރެ ދައުލަތުގެ މާލިއްޔަތުގެ ޤާނޫނާއި، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ ޚިލާފަށް މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ހުއްދަ ހޯދުމެއް ނެތި ލިވިންގ އެލަވަންސްގެ ގޮތުގައި -/67،500 (ފަސްދޮޅަށް ހަތްހާސް ފަސްސަތޭކަ) ރުފިޔާ މުޙައްމަދު ޢާޡިމް ޢަބްދުލްހާދީ ނަގާފައިވާ ކަމަށް ހައިކޯޓުން ނިންމާފައިވަނީ ޤާނޫނީ އުސޫލުތަކާ އެއްގޮތަށް ނޫން ކަމުގައި މި މައްސަލަ ބެލި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅަމެވެ.

އަދި މުޙައްމަދު ޢާޡިމް ޢަބްދުލްހާދީއަށް ލިވިންގ އެލަވަންސްގެ ގޮތުގައި ޖަމާވެފައިވާ ފައިސާއަކީ އަނބުރާ ދައުލަތަށް ދައްކަންޖެހޭ ފައިސާއެއް ކަމުގައި ހައިކޯޓުން ނިންމާފައިވަނީ ޤާނޫނާ އެއްގޮތަށް ކަމުގައި މި މައްސަލަ ބެލި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅަމެވެ.

މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ:

ޙުސްނުއްސުޢޫދު މަޙާޒު ޢަލީ ޒާހިރު ޢަލީ ރަޝީދު ޙުސައިން

(ރިޔާސަތު)

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ޝެއަރ ކުރައްވާ