ދިވެހިރާއްޖޭގެ މަތީ މަރުޙަލާގެ ކޯޓުތަކުން ކަނޑައަޅާފައިވާ ޤާނޫނީ އުޞޫލުތައް

Maldives Legal Precedents

Saeed Lex
[2022] SC 29 · 2021/SC-A/68ސުޕްރީމް ކޯޓު · 16 މޭ 2022

އިބްރާހީމް ޝަރީފް ވ. ޢަބްދުއްރަޝީދު

ސުޕްރީމް ކޯޓު
ފަހުގެ ޙުކުމެއްގައި ޙަވާލާދީފައެއް ނުފެނޭޙުކުމުގެ ހާލަތު
ސުޕްރީމް ކޯޓު · 16 މޭ 2022ބާވަތް: މަދަނީ

ޚުލާޞާ

ޚުލާޞާ ނެތް.

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
—
ފަހުގެ ތާރީޚު
—

ނިންމުން

—

ކޯ ޓާމްސް

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

މި ލިޔުމުން އުޞޫލެއް ނުނެގުނު.

ފަނޑިޔާރުން

ބެންޗު
—
ޚިލާފު ރައުޔު
ނެތް

ޝަރީޢަތުގެ ވީޑިއޯ

ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.

އިބްރާހީމް ޝަރީފް ވ. ޢަބްދުއްރަޝީދު

ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔު (ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު އަދި ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިން ތާއީދު ކުރައްވާފައި)

ތަޢާރުފު

މިއީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2019/HC-A/21 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށްޓަކައި ރަތްކެޔޮގެ، ހއ.ކެލާ (މާލެ މުނިސިޕަލްޓީ ދަފްތަރު 3733)، އިބްރާހީމް ޝަރީފް (މީގެ ފަހުން "އިބްރާހީމް ޝަރީފް") ގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅުމުން މި ކޯޓުގެ ނަންބަރު 2021/SC-A/68 ޤަޟިއްޔާއިން ބެލި އިސްތިއުނާފީ މައްސަލައެކެވެ. މި ޤަޟިއްޔާގައި އިސްތިއުނާފު ރައްދުވަނީ ޢަބްދުއްރަޝީދު (މީގެ ފަހުން "ޢަބްދުއްރަޝީދު") ގެ މައްޗަށެވެ.

މައްސަލައިގެ ކަންހިނގާފައިވާ ގޮތް

ހުޅުމާލޭ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް (މީގެ ފަހުން "އެޗް.ޑީ.ސީ") އާއި ޢަބްދުއްރަޝީދުއާއި ދެމެދު ވެފައިވާ އެޗް.ޑީ.ސީގެ ނަންބަރު HDC/RHS/07/048 (4 ފެބުރުވަރީ 2007) އެއްބަސްވުމުގެ ދަށުން ހުޅުމާލެ ލޮޓް ނަންބަރު 10248 (ސަންގު 8 ނަމަކަށް ކިޔާ ރޯހައުސް) އިމާރާތް (މީގެ ފަހުން "ސަންގު 8" ނުވަތަ "ރޯހައުސް") އެޗް.ޑީ.ސީގެ ފަރާތުން ޢަބްދުއްރަޝީދުއަށް ވިއްކުމަށް އެއްބަސްވިއެވެ.

މިއަށްފަހު، 10 ޖުލައި 2012 ގައި، ޢަބްދުއްރަޝީދުގެ ފަރާތުން މި ރޯހައުސް އިބްރާހީމް ޝަރީފަށް ވިއްކުމަށްޓަކައި ޢަބްދުއްރަޝީދުއާއި އިބްރާހީމް ޝަރީފްއާއި ދެމެދު އެއްބަސްވުމެއް (މީގެ ފަހުން "އެއްބަސްވުން") ވެފައިވެއެވެ.

ޢަބްދުއްރަޝީދުއާއި އިބްރާހީމް ޝަރީފްއާއި ދެމެދު ވެފައިވާ މި އެއްބަސްވުމުގެ ދަށުން ދައްކަންޖެހޭ ފައިސާގެ ތެރޭގައި އިބްރާހީމް ޝަރީފްގެ ފަރާތުން ޢަބްދުއްރަޝީދުއަށް ސީދާ ދައްކަންޖެހޭ ފައިސާގެ އަދަދުތަކަކާއި، އިބްރާހީމް ޝަރީފްގެ ފަރާތުން އެޗް.ޑީ.ސީއަށް ދައްކަންޖެހޭ ފައިސާ ހިމެނެއެވެ. މީގެ ތެރެއިން އެޗް.ޑީ.ސީއަށް ދެއްކުމަށް އެއްބަސްވުމުން އިބްރާހީމް ޝަރީފްގެ މައްޗަށް ލާޒިމުކޮށްފައިވަނީ، އެޗް.ޑީ.ސީ އާއި ޢަބްދުއްރަޝީދުއާ ދެމެދު 4 ފެބުރުވަރީ 2007 ގައި ވެފައިވާ އެއްބަސްވުމުގެ ދަށުން ޢަބްދުއްރަޝީދުގެ ފަރާތުން އެޗް.ޑީ.ސީއަށް ދައްކަންޖެހޭ ފައިސާއެވެ.

އެހެންނަމަވެސް، އެއްބަސްވުމުގައިވާ ފަދައިން އިބްރާހީމް ޝަރީފްގެ ފަރާތުން އެޗް.ޑީ.ސީއަށް ދައްކަންޖެހޭ ފައިސާ ދައްކާފައިނުވާތީ، އިބްރާހީމް ޝަރީފު އެއްބަސްވުމާއި ޚިލާފުވެފައިވާ ކަމުގައިބުނެ، ޢަބްދުއްރަޝީދު އެއްބަސްވުން ބާޠިލުކޮށް، އިބްރާހީމް ޝަރީފުގެ ހަވާލުގައި ހުރި "ސަންގު 8"، 16 ޖުލައި 2017 އިން ފެށިގެން 5 (ފަހެއް) ދުވަހުގެ ތެރޭގައި ޢަބްދުއްރަޝީދުއާ ހަވާލުކުރުމަށް އަންގައި، ޢަބްދުއްރަޝީދުގެ ފަރާތުން 16 ޖުލައި 2017 ގައި އިބްރާހީމް ޝަރީފަށް ނޯޓިސްއެއް ފޮނުވިއެވެ.

އިބްރާހީމް ޝަރީފަށް މި ނޯޓިސް ލިބުމުން، އެއްބަސްވުމުގެ ދަށުން އެޗް.ޑީ.ސީއަށް ދައްކަންޖެހޭ އެންމެހާ ފައިސާގެ އަދަދު އަންގާތާ 10 (ދިހައެއް) ދުވަހުގެ ތެރޭގައި އެ ފައިސާ ދައްކާ ނިންމާނެ ކަމުގައާއި، އެއްބަސްވުމުގެ ދަށުން ރޯހައުސް ވިއްކުމުގެ މުޢާމަލާތް ފުރިހަމަކުރުމަށް ޢަބްދުއްރަޝީދު އަދާކުރަންޖެހޭ އެންމެހާ ޒިންމާއެއް 07 (ހަތެއް) ދުވަހުގެ ތެރޭގައި އަދާކުރުމަށް އިބްރާހީމް ޝަރީފުގެ ފަރާތުން ޢަބްދުއްރަޝީދުއަށް 22 ޖުލައި 2017 ގައި އެންގިއެވެ.

އެހެންނަމަވެސް، އިބްރާހީމް ޝަރީފު 22 ޖުލައި 2017 ގައި ފޮނުވި ސިޓީގައިވާ ކަންކަމަށް އިންކާރުކޮށް، 24 ޖުލައި 2017 ގައި ޢަބްދުއްރަޝީދުގެ ވަކީލު އިބްރާހީމް ޝަރީފަށް ސިޓީއެއް ފޮނުވާފައިވެއެވެ.

އެހެންކަމުން، އެއްބަސްވުމާއި އެއްގޮތަށް ރޯހައުސް ވިއްކުމުގެ މުޢާމަލާތް ފުރިހަމަކޮށް، "ސަންގު 8" ގެ މިލްކުވެރިކަން އިބްރާހީމް ޝަރީފަށް ބަދަލުކުރުމަށް ކުރަންޖެހޭ އެންމެހާ ކަންކަން ފުރިހަމަކުރުމަށް ޢަބްދުއްރަޝީދު ދެކޮޅުހަދައިފައިވާ ކަމުގައިބުނެ، އިބްރާހީމް ޝަރީފްގެ ފަރާތުން ސިވިލް ކޯޓުގައި ދަޢުވާކުރިއެވެ.

ސިވިލް ކޯޓުގެ މަރުހަލާ

އިބްރާހީމް ޝަރީފްގެ ފަރާތުން ސިވިލް ކޯޓުގައި ދައުވާކޮށްފައިވަނީ، އެއްބަސްވުމާއި އެއްގޮތަށް ރޯހައުސް ވިއްކުމުގެ މުޢާމަލާތް ފުރިހަމަކޮށް، "ސަންގު 8" ގެ މިލްކުވެރިކަން އިބްރާހީމް ޝަރީފަށް ބަދަލުކުރުމަށް ކުރަންޖެހޭ އެންމެހާ ކަންކަން ފުރިހަމަކުރުމަށް ޢަބްދުއްރަޝީދު ދެކޮޅުހަދާ، އެއްބަސްވުން ބާޠިލުކުރިކަމުގެ ނޯޓިސް ފޮނުވާފައިވާތީ، އެއްބަސްވުން ބާޠިލުވެފައިވާ ކަމަށް ބުނެ ފޮނުވާފައިވާ ނޯޓިސްއަކީ ބާޠިލު ނޯޓިސްއެއްކަމަށް ކަނޑައަޅައިދިނުމަށާއި، އެއްބަސްވުމާއި އެއްގޮތަށް އިބްރާހީމް ޝަރީފަށް އެ ރޯހައުސްގެ މިލްކުވެރިކަން ބަދަލުކުރުމަށް ޢަބްދުއްރަޝީދަށް އެންގުމަށާއި، އަދި އެކަމަށް ޢަބްދުއްރަޝީދު އިންކާރުކުރާނަމަ އެއްބަސްވުމުގައިވާ ގޮތުގެމަތިން 4,074,543/04ރ. (ހަތަރު މިލިޔަން ހަތްދިހަ ހަތަރުހާސް ފަސްސަތޭކަ ސާޅީސްތިނެއް ރުފިޔާ ހަތަރެއްލާރި) ޢަބްދުއްރަޝީދުގެ ކިބައިން އިބްރާހީމް ޝަރީފަށް ލިބި ދިނުމަށް އެދިއެވެ. އެ މައްސަލަ ބަލާފައިވަނީ ސިވިލް ކޯޓުގެ ނަންބަރު 159/Cv-C-HD/2017 ޤަޟިއްޔާއިންނެވެ.

ސިވިލް ކޯޓުގެ ނަންބަރު 159/Cv-C-HD/2017 ޤަޟިއްޔާއިން ބަލައި ޙުކުމްކޮށްފައިވަނީ ދެ ފަރާތުގެ މެދުގައި އެއްބަސްވެފައިވާ އެއްބަސްވުމާ އެއްގޮތަށް އިބްރާހީމް ޝަރީފް އަދާކުރަންޖެހޭ އިލްތިޒާމްތައް އަދާކޮށް ފުރިހަމަ ކޮށްފައިވާކަން ޝަރީޢަތަށް ސާބިތުނުވާތީ، ހުޅުމާލެ ލޮޓް ނަންބަރު 10248 (ސަންގު 8 ނަމަކަށް ކިޔާ ރޯހައުސް) އިމާރާތާއި ބެހޭގޮތުން ޢަބްދުއްރަޝީދުއާއި އިބްރާހީމް ޝަރީފްއާއި ދެމެދު ވެފައިވާ އެއްބަސްވުން ނިމުމަކަށް ގެނެސް، ރޯހައުސް ޢަބްދުއްރަޝީދުއާއި ހަވާލުކުރުމަށް އިބްރާހީމް ޝަރީފަށް އަންގާ ޢަބްދުއްރަޝީދު ފޮނުވާފައިވާ ނޯޓިސްއަކީ ބާޠިލު ނޯޓިސްއެއްކަމަށް އަދި އިބްރާހީމް ޝަރީފްގެ ފަރާތުން ޢަބްދުއްރަޝީދުގެ އަތުން ލިބިދިނުމަށް އެދިފައިވާ ފައިސާއަކީ ޢަބްދުއްރަޝީދުގެ އަތުން އިބްރާހީމް ޝަރީފަށް ލިބިދޭންޖެހޭ ފައިސާއެއްކަމަކަށް ޝަރީޢަތުން ކަނޑައަޅާނެތަނެއް ނެތްކަމަށް އަންގައި ޙުކުމްކޮށެވެ.

އިސްވެ ބަޔާންކޮށްފައިވާ ގޮތަށް ސިވިލް ކޯޓުން ނިންމާފައިވަނީ އަންނަނިވި ކަންކަމުގެ މައްޗަށް ބިނާކޮށްކަން، އެ ކޯޓުގެ ނަންބަރު 159/Cv-C-HD/2017 ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުން އެނގެން އޮވެއެވެ. އެއީ:

އެޗް.ޑީ.ސީ އާއި ޢަބްދުއްރަޝީދުއާއި ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން ޢަބްދުއްރަޝީދުގެ ފަރާތުން އެޗް.ޑީ.ސީއަށް 31 ޖަނަވަރީ 2017 ގެ ނިޔަލަށް 147,847/36ރ. (އެއްލައްކަ ސާޅީސްހަތްހާސް އަށްސަތޭކަ ސާޅީސްހަތްރުފިޔާ ތިރީސްހައެއްލާރި) ދައްކަންޖެހި އެފައިސާ ދައްކާފައިނުވާތީ، އެޗް.ޑީ.ސީގެ ފަރާތުން ޢަބްދުއްރަޝީދަށް ފައިސާދެއްކުމަށް އަންގައި ނޯޓިސް ދީފައިވާކަން އެޗް.ޑީ.ސީގެ ފައިސާދެއްކުމަށް އަންގާ ދެވޭ ފުރަތަމަ އެޑްވައިސް ނޯޓަށް ބެލުމުން އެނގޭކަން.

30 ޖޫން 2017 ގެ ނިޔަލަށް އެޗް.ޑީ.ސީއަށް ޢަބދުއްރަޝީދުގެ ފަރާތުން ދައްކަންޖެހޭ 207,538/28ރ. (ދެލައްކަ ހަތްހާސް ފަސްސަތޭކަ ތިރީސްއަށެއް ރުފިޔާ އަށާވީސްލާރި) ދައްކާފައިނުވާތީ، އެޗް.ޑީ.ސީއިން ޢަބްދުއްރަޝީދަށް ފައިސާދެއްކުމަށް އަންގައި ނޯޓިސް ދީފައިވާކަން އެޗް.ޑީ.ސީގެ ފައިސާދެއްކުމަށް އަންގާ ދެވޭ ދެވަނަ ނޯޓިސްއިން އެނގޭކަން.

އެޗް.ޑީ.ސީ އާއި ޢަބްދުއްރަޝީދުއާއި ދެމެދު ވެފައިވާ ރޯހައުސް ވިއްކުމުގެ އެއްބަސްވުމުގެ 18 ވަނަ މާއްދާގައި މި އެއްބަސްވުމުގެ ދަށުން ގަންނަ ފަރާތަށް ލިބިދޭ އެއްވެސް ޙައްޤެއް ނުވަތަ އެ ފަރާތުން އުފުލަންޖެހޭ އެއްވެސް ޒިންމާއެއް ނުވަތަ އެ ފަރާތުން އުފުލަންޖެހޭ އެއްވެސް މަސްއޫލިއްޔަތެއް ވިއްކާފަރާތުގެ ހުއްދަ ލިޔުމުން ލިބިގެން މެނުވީ އެހެންފަރާތަކަށް ބަދަލެއް ނުކުރެވޭނެކަމުގައި ބަޔާންކޮށްފައި އޮންނަހިނދު، އެޗް.ޑީ.ސީގެ ހުއްދަ ލިޔުމުން ލިބިފައިނެތީސް އިބްރާހީމް ޝަރީފްގެ ފަރާތުން އެދިފައިވާގޮތަށް ޢަބްދުއްރަޝީދަށް ލިބިފައިވާ އެންމެހާ ޙައްޤުތައް އިބްރާހީމް ޝަރީފަށް ބަދަލުކުރެވޭނެ ޤާނޫނީ ޙުއްޖިޔަތެއް އިބްރާހީމް ޝަރީފަށް ދެއްކިފައިނުވާކަން.

ޢަބްދުއްރަޝީދާއި އިބްރާހީމް ޝަރީފްއާމެދު 10 ޖުލައި 2013 ގައި ވެފައިވާ އެއްބަސްވުމުގެ 4 ވަނަ މާއްދާގައިވާ ގޮތަށް، ޢަބްދުއްރަޝީދުގެ ފަރާތުން އެޗް.ޑީ.ސީ އަށް ދައްކަންޖެހޭ އެންމެ ފައިސާއެއް ދައްކަންޖެހެނީ އިބްރާހީމް ޝަރީފު ކަމުގައިވެފައި، އެ ފައިސާ ދެއްކުމަށް އެ އެއްބަސްވުމުގައި ދީފައިވާ 4 (ހަތަރެއް) އަހަރު ދުވަހުގެ މުއްދަތުގެ ތެރޭގައި އިބްރާހީމް ޝަރީފްގެ ފަރާތުން އެޗް.ޑީ.ސީއަށް އެ ފައިސާ ދައްކާ ޚަލާޞްކޮށްފައި ނުވާކަން އެޗް.ޑީ.ސީގެ 12 އޮކްޓޫބަރު 2017 ފައިސާ ދެއްކިފައިވާ ގޮތުގެ ތަފްސީލަށް ބެލުމުން އެނގޭކަން؛ އަދި އެތަފްސީލަށް ބެލުމުން 12 އޮކްޓޫބަރު 2017 ގެ ނިޔަލަށް 255,962/73ރ. (ދެލައްކަ ފަންސާސް ފަސްހާސް ނުވަސަތޭކަ ފަސްދޮޅަސްދޭއް ރުފިޔާ ހަތްދިހަތިނެއް ލާރި) އެޗް.ޑީ.ސީއަށް ދައްކަންޖެހި ނުދައްކާވާކަން.

ޢަބްދުއްރަޝީދުއާއި އިބްރާހީމް ޝަރީފްއާ ދެމެދު ވެފައިވާ އެއްބަސްވުމުގެ 01 ވަނަ މާއްދާ އާއި 02 ވަނަ މާއްދާގެ ދަށުން އިބްރާހީމް ޝަރީފްގެ ފަރާތުން ޢަބްދުއްރަޝީދަށް ދޭންޖެހޭ 800,000/-ރ. (އަށްލައްކަ ރުފިޔާ) އިބްރާހީމްގެ ޝަރީފްގެ ފަރާތުން ޢަބްދުއްރަޝީދަށް ލިބިދީފައިވާ ކަމާމެދު ޢަބްދުއްރަޝީދު އިންކާރުކޮށްފައި ނުވާކަމާއި، އެއްބަސްވުމުގެ ދަށުން ހުޅުމާލެ ލޮޓް ނަންބަރު 10248 (ސަންގު 8 ނަމަކަށް ކިޔާ ރޯހައުސް) އިމާރާތް ޢަބްދުއްރަޝީދުގެ ފަރާތުން އިބްރާހީމް ޝަރީފްއާ ހަވާލުކޮށްފައިވާކަން މި ދެފަރާތުގެ ބަހުން އެނގެން އޮންނާތީ މި އެއްބަސްވުމުގެ ދަށުން ޢަބްދުއްރަޝީދަށް ދީފައިވާކަމަށް އިބްރާހީމް ޝަރީފް ބުނާ 800,000/-ރ. (އަށްލައްކަ ރުފިޔާ) ގެ މުޤާބިލުގައި އެ އިމާރާތުގެ މަންފާ އިބްރާހީމް ޝަރީފްގެ ފަރާތުން ލިބިގަންނަމުން އައިސްފައިވާކަން މި ދެ ފަރާތުން ފޮނުވާފައިވާ ނޯޓިސްތަކަށް ބެލުމުން އެނގޭކަން.

ޢަބްދުއްރަޝީދުއާއި އިބްރާހީމް ޝަރީފްއާ ދެމެދު ވެފައިވާ އެއްބަސްވުމުގެ 7 ވަނަ މާއްދާގައިވާ ގޮތުން، މި ދެ ފަރާތުގެ ދެމެދުގައިވާ މި އެއްބަސްވުމާއި ޚިލާފުވެގެން ދިމާވާ މައްސަލައެއްގެ މައްޗަށް އެ މާއްދާގައި ބުނާ ފައިސާގެ ކަންކަން އެ މައްޗަށް ތަޠުބީޤުނުކުރެވޭކަން އެ މާއްދާއަށް ބެލުމުން އެނގެން އޮންނާތީ، އިބްރާހީމް ޝަރީފްގެ ފަރާތުން ޢަބްދުއްރަޝީދުގެ އަތުން ލިބުމަށް އެދިފައިވާ ފައިސާއަކީ ޢަބްދުއްރަޝީދުގެ އަތުން އިބްރާހީމް ޝަރީފަށް ލިބެންޖެހޭނެ ފައިސާއެއްކަމުގައި ބުނާބުނުން އެއީ ރަނގަޅު ބުނުމެއްކަމުގައި ބެލެވެން ނެތްކަން އެ މާއްދާއަށް ބެލުމުން އެނގޭކަން.

ޢަބްދުއްރަޝީދުއާއި އިބްރާހީމް ޝަރީފްއާ ދެ ފަރާތުގެ މެދުގައި އެއްބަސްވުމުގެ ދަށުން އިބްރާހީމް ޝަރީފް އެ މައްޗަށް އުފުލަންޖެހޭ އެންމެހާ އިލްތިޒާމްތަކެއް ފުރިހަމަކޮށް ނިންމުމުގެ ކުރިން އެ އިލްތިޒާމްއެއް އަދާކުރުމުގެ މައްޗަށް އުފަންވާ އެއްވެސް ޙައްޤެއް އެ އެއްބަސްވުމުގެ ދަށުން ނަޤުލުކުރުމުގެ މައްޗަށް ޢަބްދުއްރަޝީދަށް ކަމެއް ލާޒިމު ނުކުރެވޭނެ ކަމާއި، ހަމަ މިފަދައިން އެއްބަސްވުމާއި ޚިލާފުވުންމަތީ ދެމިހުއްޓައި އެއްބަސްވުމުގެ ދަށުން އިބްރާހީމް ޝަރީފް އުފުލަންޖެހޭ އެއްވެސް ޒިންމާއަކުން ބަރީއަ ނުކުރެވޭނެ ކަމަކަށްވާތީ، އެއްބަސްވުމާއި ޚިލާފުވެގެން އެއްބަސްވުން ބާޠިލުކުރުމަށް ޢަބްދުއްރަޝީދުގެ ފަރާތުން އިބްރާހީމް ޝަރީފަށް ފޮނުވާފައިވާ ނޯޓިސްއަކީ އެއްބަސްވުމާއި ޚިލާފު ނޯޓިސްއެއްކަމުގައި ބެލެވޭނެ ތަނެއް ނެތްކަމާއި، އަދި އިބްރާހީމް ޝަރީފަށް ޢަބްދުއްރަޝީދުގެ ކިބައިން ލިބިދިނުމަށް އެދިފައިވާ ފައިސާ ޢަބްދުއްރަޝީދުގެ އަތުން އިބްރާހީމް ޝަރީފަށް ދިނުމަށް އަންގާނެ ތަނެއް ނެތްކަމަށް ޝަރީޢަތުގެ ހަމަތަކުން އެނގޭކަން.

އިސްތިއުނާފުކުރެވޭ މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައިވާ ގޮތް

ސިވިލް ކޯޓުގެ ނަންބަރު 159/Cv-C-HD/2017 ޤަޟިއްޔާ ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތަށް ނޫން ކަމަށް ބުނެ، އިބްރާހީމް ޝަރީފްގެ ފަރާތުން އެ މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމުން، ހައިކޯޓުގެ ނަންބަރު 2019/HC-A/21 ޤަޟިއްޔާއިން އެ މައްސަލަ ބަލައި، ސިވިލް ކޯޓުގެ ޙުކުމް ބާޠިލުކުރަންޖެހޭ ފަދަ ސަބަބެއް ނެތްކަމަށް ޙުކުމްކުރިއެވެ.

ދިވެހިރާއްޖޭގެ ހައިކޯޓުން އެފަދައިން ނިންމާފައިވަނީ އަންނަނިވި ކަންކަމުގެ މައްޗަށް ބިނާކޮށްކަން އެ ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށް ބެލުމުން އެނގެންއޮވެއެވެ. އެއީ:

އެއްބަސްވުން ބާޠިލުކުރިކަމަށް ޢަބްދުއްރަޝީދު އަންގާފައިވަނީ، އެޗް.ޑީ.ސީއަށް ދައްކަންޖެހޭ ފައިސާ ނުދައްކައިގެން އެ ފައިސާ ދެއްކުމަށް ޢަބްދުއްރަޝީދަށް ނޯޓިސްދިންފަހުން ކަމާއި، ރޯހައުސް މިލްކު ކުރުމަށްޓަކައި އެޗް.ޑީ.ސީއަށް ދައްކަންޖެހޭ ފައިސާ ދެއްކުމަށް އެއްބަސްވުމުން ދީފައިވާ 4 (ހަތަރެއް) އަހަރުގެ މުއްދަތު 10 ޖުލައި 2016 އަށް ހަމަވިއިރު، އިބްރާހީމް ޝަރީފްގެ ފަރާތުން އެ ފައިސާ އެޗް.ޑީ.ސީއަށް ދައްކާފައިނުވާކަން.

ދަށުކޯޓުން ކޮށްފައިވާ ޙުކުމް ބާޠިލުކޮށްދިނުމަށް އެ ޤަޟިއްޔާ އިސްތިއުނާފުކުރަމުން އިބްރާހީމް ޝަރީފްގެ ފަރާތުން އެދިފައިވީނަމަވެސް، މި ދެ ފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމާ އޭނާ ޚިލާފުވެފައިވާ ކަމަށް އެ ޤަޟިއްޔާގައި ކަނޑައަޅާފައިވާ ކަނޑައެޅުން ރަނގަޅު ނޫންކަމަށް ނުވަތަ ޤާނޫނާ ޚިލާފު ކަމަށް އިބްރާހީމް ޝަރީފްގެ ފަރާތުން ފާހަގަކޮށްފައި ނުވާކަން.

ރޯހައުސް ވިއްކުމާގުޅޭ ގޮތުން މި ދެ ފަރާތުގެ މެދުގައި ވެފައިވާ އެއްބަސްވުމައިގެން ކުރިޔަށް ދެވެން ނެތް ހާލަތެއްގައި ޢަމަލުކުރަންޖެހޭ ގޮތް ބަޔާންކޮށްފައިވަނީ އެއްބަސްވުމުގެ 7 ވަނަ މާއްދާގައި ކަމާއި، އެގޮތުން ދެ ފަރާތުގެ މެދުގައި މައްސަލަޖެހި އެއްބަސްވުން ކުރިއަށް ނުގެންދެވޭނެ ކަމަށް ފެނިއްޖެ ހާލަތެއްގައި ބަދަލުދޭނެ ގޮތާއި ކަންތައްތައް ބަޔާންކުރުމަށްފަހު، އެ މާއްދާގެ ފަހު ޖުމްލައިގައި "ގަންނަ ފަރާތް ނުވަތަ ވިއްކާ ފަރާތް މި އެގްރީމެންޓާ ޚިލާފުވެގެން ދިމާވާ މައްސަލައެއް ނުވަތަ މައްސަލަތަކެއް ނުހިމެނެއެވެ." މިގޮތަށް ބަޔާންކޮށްފައިވުމުން އެއީ އޭގެ ކުރިން ބަޔާންވެދިޔަ ކަންތައްތަކަށް އޮތް އިސްތިސްނާ ހާލަތެއް ކަމުގައި ޤަބޫލުކުރެވޭކަމާއި، ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ ދަށުން ކޮންޓްރެކްޓުގެ ބައިވެރިންނަށް ގެއްލުމުގެ ބަދަލު ނަގައިދެވޭނީ އެ ކޮންޓްރެކްޓާ ޚިލާފުވުމުގެ ސަބަބުން އެ ކޮންޓްރެކްޓްގެ އަނެއް ބައިވެރިޔާއަށް ލިބޭ ގެއްލުމުގެ ބަދަލުކަން.

ރޯހައުސް މިލްކުކުރުމަށް އެޗް.ޑީ.ސީއާއި ޢަބްދުއްރަޝީދުއާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން ދައްކަންޖެހޭ ފައިސާ އެޗް.ޑީ.ސީއަށް ނުދެއްކުމުގެ ސަބަބުން އެ ފައިސާ ދެއްކުމަށް ތަކުރާރުކޮށް ޢަބްދުއްރަޝީދަށް އެޗް.ޑީ.ސީން އަންގާފައިވާކަމާއި، އަދި އެ ފައިސާ ނުދެއްކުމުގެ ސަބަބުން ޖޫރިމަނާގެ ގޮތުގައި ބޮޑު ޢަދަދެއް ދައްކަންޖެހިފައިވާކަން.

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފައިވާ ނުކުތާތައް

ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2019/HC-A/21 ޤަޟިއްޔާ ނިންމާފައިވަނީ ޤާނޫނާ އެއްގޮތަށް ނޫންކަމަށް ބުނެ އެ ޤަޟިއްޔާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމަށްޓަކައި އިބްރާހީމް ޝަރީފްގެ ފަރާތުން 03 (ތިނެއް) ސަބަބެއް ހުށަހަޅާފައިވެއެވެ. އެއީ:

ދެ ފަރާތުގެ މެދުގައި ވެފައިވާ އެއްބަސްވުމުގެ 7 ވަނަ މާއްދާ މާނަކުރުމުގައި ޝަރީޢަތަށް އޮޅުން އެރުމުގެ ސަބަބުން، އެއްބަސްވުމެއް މާނަކުރުމުގައި ރިޢާޔަތްކުރަންޖެހޭނީ މަޤްސަދަށް ކަމުގައާއި ބަހަށް ނޫންކަމުގައި ބުނާ ޝަރުޢީ ޤާޢިދާއަށް ރަނގަޅަށް ރިޢާޔަތް ނުކުރެވިވާ ކަމުގައާއި، މިކަން މިހެން ހިނގުމުގެ ސަބަބުން އެއްބަސްވުމުގެ 7 ވަނަ މާއްދާއިން އިސްތިއުނާފު ކުރާ ފަރާތަށް ލިބިދީފައިވާ ހިމާޔަތްތެރިކަން އެއްކޮށް ގެއްލިގެންގޮސް، ޢަބްދުއްރަޝީދަށް އެކަމުގެ ސަބަބުން ނުޙައްޤު މަންފާއެއް ޝަރީއަތް މެދުވެރިކޮށް ލިބިފައިވާ ކަމަށް ބުނެ ހުށަހެޅި ސަބަބު.

އެއްބަސްވުމުގެ ބައިވެރިންގެ މެދުގައި ދިމާވާ މައްސަލަތައް ހައްލުކުރުމުގައި ބޭނުންކުރަންޖެހޭ އެންމެ އިސް ޙަކަމަކީ ހަމަ އެ އެއްބަސްވުން ކަމަށް ބުނާ ޝަރުޢީ ޤާޢިދާއާ ޚިލާފަށް މައްސަލަ ނިންމާފައިވާ ކަމަށް ބުނެ ހުށަހެޅި ސަބަބު.

އެއްބަސްވުން ނިމުމަކަށް ގެނައުމުގައި ޢަމަލުކުރަންވީގޮތް އެ އެއްބަސްވުމުގެ 7 ވަނަ މާއްދާގައި ސާފު ޢިބާރާތުން ބަޔާންކޮށްފައިވާއިރު، އެ މާއްދާ މާނަކުރުމުގައި ޤާނޫނު ނަންބަރު 2011/4 (މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނު) ގައި ބަޔާންކޮށްފައިވާ އެއްވެސް ހަމައަކަށް ރިޢާޔަތް ނުކުރުމުގެ ސަބަބުން، އިސްތިއުނާފު ކުރާ ފަރާތުގެ ޙައްޤު ގެއްލިގެން ގޮސްފައިވާ ކަމަށް ބުނެ ހުށަހެޅި ސަބަބު.

އެއްބަސްވުމުގެ 7 ވަނަ މާއްދާ

ދިވެހިރާއްޖޭގެ ހައިކޯޓުގެ ނިންމުން އިސްތިއުނާފުކުރުމުގެ ގޮތުން އިބްރާހީމް ޝަރީފްގެ ފަރާތުން ހުށަހަޅާފައިވާ 03 (ތިނެއް) ނުކުތާއަކީވެސް އިބްރާހީމް ޝަރީފްއާއި ޢަބްދުއްރަޝީދުއާދެމެދު ވެފައިވާ އެއްބަސްވުމުގެ 7 ވަނަ މާއްދާ ހައިކޯޓުން މާނަކޮށްފައިވަނީ ރަނގަޅަށް ނޫންކަމުގައި ދެކިގެން ހުށަހަޅާފައިވާ ނުކުތާތަކެއްކަން ފާހަގަވާތީ، ތިރީގައި އެއްބަސްވުމުގެ އެ މާއްދާ ނަކަލުކުރަމެވެ.

"މި އެގްރީމަންޓްގެ އެއްވެސް ހިސާބަކުން މައްސަލަޖެހި އެގްރީމަންޓް ކުރިއަށް ނުގެންދެވޭނެކަމަށް ފެނިއްޖެނަމަ އެއްފަރާތުން އަނެއްފަރާތާއި ވާހަކަދައްކައިގެން ވީއެންމެ މަސްލަހަތު ރަގަޅުގޮތަކަށް އެކަމެއް ހައްލުކުރާނީއެވެ. މިގޮތުން ހައްލު ނުވެއްޖެނަމަ އިތުރު ފަރާތެއް މެދުވެރިކޮށްގެން ގޮތެއް ނިންމާނީއެވެ. އެގޮތުންވެސް ގޮތެއް ނުނިންމިއްޖެނަމަ ގަންނަފަރާތުން ވިއްކާފަރާތާއި ހަވާލުކޮށްފައިވާ ޖުމްލަ ފައިސާ އާއި އަދި ހުޅުމާލެ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން އަށް އެދުވަހާހަމައަށް ދެއްކިފައިވާ ފައިސާއާއި އަދި ތަނުގަ އިތުރު މަރާމާތެއް ކުރުމަށް ޚަރަދެއް ކުރެވިފައިވާނަމަ އެފައިސާ އެކު ޖުމްލަ އަދަދުގެ އިތުރަށް އަހަރަކު 20% (ވިހި ޕަސެންޓް) ގެ ޢަދަދަށްވާ ފައިސާ ގަންނަ ފަރާތަށް އެއްފަހަރާ ދޭން އެއްބަސް ވެއެވެ. މިގޮތުން ގަންނަފަރާތް ނުވަތަ ވިއްކާފަރާތް މިއެގްރީމަންޓާ ޚިލާފުވެގެން ދިމާވާ މައްސަލައެއް ނުވަތަ މައްސަލަތަކެއް ނުހިމެނެއެވެ."

ފުރަތަމަ އިސްތިއުނާފީ ނުކުތާ

އެއްބަސްވުމެއް މާނަކުރުމުގައި ރިޢާޔަތްކުރަންޖެހޭނީ މަޤްޞަދަށް ކަމުގައާއި ބަހަށް ނޫންކަމުގައި ބުނާ ޝަރުޢީ ޤާޢިދާއަށް ހަވާލާދީ، އެއްބަސްވުމުގެ 7 ވަނަ މާއްދާ މާނަކުރުމުގައި ޝަރީޢަތަށް އޮޅުން އެރުމުގެ ސަބަބުން، އިބްރާހީމް ޝަރީފަށް ލިބިދީފައިވާ ހިމާޔަތްތެރިކަން ގެއްލި، ޢަބްދުއްރަޝީދަށް ނުޙައްޤު މަންފާއެއް ލިބިފައިވާކަމުގައި ބުނެ ހުށަހެޅި ނުކުތާ ތަފްސީލު ކުރަމުން އިބްރާހީމް ޝަރީފުގެ ފަރާތުން ބުނެފައިވަނީ ހައިކޯޓުގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގައި އެއްބަސްވުމުގެ 7 ވަނަ މާއްދާގެ ފަހު ޢިބާރާތް މާނަކޮށް، އެއީ އެ މާއްދާގެ ކުރިއަށް ހުރި ޢިބާރާތްތަކުގެ އިސްތިސްނާއެއް ކަމުގައި ބަޔާންކޮށްފައިވާ ނަމަވެސް، ހަގީގީ އިސްތިސްނާ އޮތީ ޢިބާރާތުގެ ކުރީގައި ކަމުގައާއި؛ ހައިކޯޓުން އެ މާއްދާ މާނަކޮށްފައިވާ ގޮތުން މާއްދާގެ މަޤްޞަދު ގެއްލި، އިބްރާހީމް ޝަރީފު އެއްބަސްވުމަށް ވަނުމުގެ ކުރިން ހުރި ހާލަތަށް ދިއުމަށް (restitution) ހުރަސްއެޅިފައިވާކަމަށެވެ.

މި ނުކުތާގެ ރައްދުގައި ޢަބްދުއްރަޝީދުގެ ފަރާތުން ބުނެފައިވަނީ އެއްބަސްވުމުގެ ދަށުން އިބްރާހީމް ޝަރީފު އަދާކުރަންޖެހޭ އިލްތިޒާމެއްގެ ގޮތުން އެޗް.ޑީ.ސީއަށް ދައްކަންޖެހޭ ފައިސާ ޤަވާޢިދުން ދައްކަމުން ދިޔުން ހިމަނާފައިވާ ހިނދު، އެއްބަސްވުމާ އެއްގޮތަށް އެ ފައިސާ ނުދެއްކުމަކީ އެއްބަސްވުމާ ޚިލާފުވުންކަމާއި، އެއްބަސްވުމާ ޚިލާފުވާ ހާލަތެއްގައި އެއްބަސްވުމުގެ 7 ވަނަ މާއްދާގައި ކަނޑައަޅާފައިވާ ބަދަލު ނަގައިދިނުމުގެ އުސޫލު ނުހިނގާނެކަން އެ މާއްދާއިން ސާފުކޮށް އެނގޭކަމަށެވެ.

އެއްބަސްވުމުގެ 7 ވަނަ މާއްދާއަށް ބަލާއިރު، އެ މާއްދާ ފަށާއިރު ބަޔާންކޮށްފައިވަނީ އެއްބަސްވުމުގެ ބައިވެރިންގެ މެދުގައި މައްސަލަޖެހިއްޖެނަމަ އެކަމާމެދު ޢަމަލުކުރާނެ ގޮތެވެ. މިގޮތުން މައްސަލަ ހައްލުކުރުމަށް މަސައްކަތް ކުރެވިދާނެ 2 (ދޭއް) ގޮތަކަށް ހަވާލާދިނުމަށްފަހު، ދެން އެ މާއްދާގައި ބަޔާންކުރަނީ "... އެގޮތުންވެސް ގޮތެއް ނުނިންމިއްޖެނަމަ..." ގަންނަ ފަރާތުން ވިއްކާ ފަރާތަށް ދީފައިވާ ފައިސާއާއި އެއްބަސްވުމުގެ ދަށުން ކޮށްފައިވާ އެހެން ޚަރަދު އަދި އެ ޖުމްލަ ޢަދަދުގެ 20% (ވިހި ޕަސެންޓް) ގެ މިންވަރެއް ވިއްކާ ފަރާތުން ގަންނަ ފަރާތަށް އެއްފަހަރާ ދޭންޖެހޭނެކަމަށެވެ. މިފަދައިން ބަޔާންކުރުމަށްފަހު، އެ މާއްދާ ނިންމާލުމުގެ ކުރިން، ބުނެފައި އޮންނަނީ މިގޮތުން ގަންނަ ފަރާތް ނުވަތަ ވިއްކާ ފަރާތް އެ އެއްބަސްވުމާއި ޚިލާފުވެގެން ދިމާވާ މައްސަލައެއް ނުވަތަ މައްސަލަތަކެއް ނުހިމެނޭ ކަމުގައެވެ.

އެހެންނަމަވެސް، އެއްބަސްވުމާއި ޚިލާފުވާ ހާލަތު ނުހިމެނީ ކޮން ކަމެއްގެ ތެރޭގައިކަމެއް އެއްބަސްވުމުގައި ބަޔާންކޮށްފައި ނުވެއެވެ. އެއީ، އެއްބަސްވުމާއި ޚިލާފުވެއްޖެނަމަ، މައްސަލަ ހައްލުކުރަން މަސައްކަތްކުރުމުން އިސްތިސްނާ ވަނީކަމެއް، ނުވަތަ އެ މާއްދާގައި ބަޔާންކުރާ ފައިސާ ދެއްކުމަށް ވިއްކާ ފަރާތަށް އޮތް އިލްތިޒާމުން އިސްތިސްނާވަނީކަމެއް ނުވަތަ އެ ދެކަމުންވެސް އިސްތިސްނާވަނީކަމެއް މާއްދާއިން މުޅިއަކުން ސާފެއް ނޫނެވެ.

އެއްބަސްވުމުގެ 7 ވަނަ މާއްދާ ފަރުމާކޮށްފައި އޮތް ގޮތުން، އެ މާއްދާއިން އަހުރެންނަށް ދޭހަވަނީ އެއްބަސްވުމުގެ ބައިވެރިންގެ މެދުގައި މައްސަލައެއް ޖެހިއްޖެނަމަ، އެ މައްސަލައެއް ހައްލުކުރުމަށް މަސައްކަތްކުރުމަށްފަހު މައްސަލަ ހައްލުނުވިނަމަ، ވިއްކާ ފަރާތުން ގަންނަ ފަރާތަށް އެ މާއްދާގައި ބަޔާންކޮށްފައިވާ ފައިސާ ދޭންވާނެކަމުގައެވެ. އަދި މިކަންކަން – މައްސަލަ ހައްލުކުރަން މަސައްކަތް ކުރުމާއި، ގަންނަ ފަރާތަށް ފައިސާ ދިނުމާގުޅިގެން ބަޔާންކޮށްފައިވާ ކަންކަން - އެއީ އެއްބަސްވުމާއި ޚިލާފުވާ ހާލަތުގައި އިސްތިސްނާވާކަންކަން ކަމެވެ. އެހެން ގޮތަކަށް ބުނަނީނަމަ، އެއްބަސްވުމާއި ޚިލާފުވާ ހާލަތުގައި، މައްސަލައެއް ހައްލުކުރުމަށް މަސައްކަތްކުރަން ނުޖެހޭކަމާއި، ގަންނަ ފަރާތަށް އެ މާއްދާގައި ބުނާފަދައިން ފައިސާ ދޭން ނުޖެހޭނެކަމެވެ. ދިވެހިރާއްޖޭގެ ހައިކޯޓުންވެސް އެއްބަސްވުމުގެ 7 ވަނަ މާއްދާ މާނަކޮށްފައިވަނީ މިފަދައިންކަން ފާހަގަކުރަމެވެ.

އެއްބަސްވުން ފަރުމާކުރުމުގެ އާންމު އުސޫލުތަކަށް ބަލާއިރު، އިސްތިސްނާއެއް ހިމަނަނީ ކަންތައްތަކެއް ފާހަގަކުރުމަށް ފަހުގައި ކަމަށް ވަނީނަމަ، އަދި އެއްބަސްވުމުގެ ބައިވެރިންގެ މަޤްޞަދަކީ އެ ކަންތައްތަކުގެ ތެރެއިން ވަކި ކަންތައްތަކެއްގެ މައްޗަށް އެ އިސްތިސްނާ ތަޠުބީޤުގުކުރުން ކަމުގައިވާނަމަ، އެކަން އެ އިސްތިސްނާއިން ސާފުވާންޖެހޭނެއެވެ. އެއާއި ޚިލާފަށް ކަންތައްތަކެއް ބަޔާންކޮށް، ގައިދުކުރުމެއް ނެތި އިސްތިސްނާ ހާލަތެއް ހިމަނާފައިވާނަމަ، އެ އިސްތިސްނާ ހާލަތަކީ އޭގެ ކުރިން ބަޔާންކޮށްފައިވާ ކަންކަމުން އެކުގައި އިސްތިސްނާވާ ހާލަތެއް ކަމުގައި ބެލެވެއެވެ.

މި ސަބަބަށްޓަކައި، އިބްރާހީމް ޝަރީފު ބަޔާންކުރާ ފަދައިން އެއްބަސްވުމާއި ޚިލާފުވެއްޖެނަމަ، ގަންނަ ފަރާތުން ފައިސާ ދިނުމުގެ ކަންކަން އެ ހާލަތުން އިސްތިސްނާ ނުވެ، އިސްތިސްނާ ހާލަތު މެދުވެރިވަނީ ހަމައެކަނި މައްސަލަ ހައްލުކުރުމާ ގުޅޭ ކަންކަމުން ކަމުގައި ބަލާނީ ކޮން ޤާނޫނީ ހަމައަކުންކަމެއް ނޭނގެއެވެ.

އިބްރާހީމް ޝަރީފުގެ ފަރާތުން މި އިސްތިއުނާފީ ނުކުތާގައި، ހައިކޯޓުގެ މާނަކުރުމުގެ ސަބަބުން މާއްދާގެ މަޤްޞަދު ގެއްލި، އިބްރާހީމް ޝަރީފު އެއްބަސްވުމަށް ވަނުމުގެ ކުރިން ހުރި ހާލަތަށް ދިއުމަށް ހުރަސްއެޅިފައިވާ ކަމުގައިވެސް ބުނެފައިވެއެވެ.

އެހެންނަމަވެސް، އެ މާއްދާގެ މަޤްޞަދަކީ އިބްރާހީމް ޝަރީފު ބަޔާންކުރާ ފަދައިން އެއްބަސްވުމާއި ޚިލާފުވެގެން ނުވަތަ އެ ނޫން ސަބަބަކާހުރެ ނަމަވެސް އެއްބަސްވުން އުވާލެވޭ ހާލަތުގައި އޭނާ އެއްބަސްވުމަށް ވަނުމުގެ ކުރިން ހުރި ހާލަތަށް ރުޖޫއަކުރުންކަން އެ މާއްދާގެ ނައްސުން ސާފެއް ނުވެއެވެ.

އެއްބަސްވުމުގެ ކުރިން ހުރި ހާލަތަށް ރުޖޫއަކުރުމާއި ގުޅިގެން ޤާނޫނު ނަންބަރު 91/4 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގައި ވަކިގޮތަކަށް ބަޔާންކޮށްފައި ނުވިނަމަވެސް، ކުރިން ހުރި ހާލަތަށް ރުޖޫއަކުރުމަކީ އަދާލާތުގެ ހައްލެއްގެ ގޮތުގައި ދުނިޔޭގެ ޤާނޫނީ ނިޒާމުތައް ދަންނަ ހައްލެކެވެ. އަދި ކުރިން ހުރި ހާލަތަށް ރުޖޫއަކުރުމަކީ ކޮބައިކަމުގެ މައްޗަށް ބަލާއިރު، އެންމެ އާދައިގެ ގޮތަށް ބުނާނަމަ، އެއީ އެހެން ފަރާތަކުން އެކަށީގެންނުވާ ޢަމަލެއް ނުހިންގިނަމަ، މީހަކު ހުންނާނެ ހާލަތައް އެ މީހަކު ރުޖޫއަކުރުމެވެ.

އެހެންކަމުގައިވާނަމަ، އެއްބަސްވުމުގައި އެކަން ސާފުކޮށް ބަޔާންކޮށްފައި ނެތި، މި އުސޫލު މިހާލަތަށް ތަޠުބީޤުކުރެވޭނެ ހެއްޔެވެ؟ މި ސުވާލު އުފެދެނީ، މި ހާލަތުގައި އެއްބަސްވުމާއި ޚިލާފުވީ ނުވަތަ އެކަށީގެންނުވާ ޢަމަލު ހިންގީ އިބްރާހީމް ޝަރީފު ކަމުގައިވެފައި، އޭނާ ކުރިން ހުރި ހާލަތަށް ރުޖޫއަ ކުރެވެންޖެހޭ ކަމުގައި ބުނަނީވެސް އިބްރާހީމް ޝަރީފު ކަމުގައިވާތީއެވެ.

އެއްބަސްވުމެއް މާނަކުރުމުގައި ރިޢާޔަތްކުރަންޖެހޭނީ މަޤްޞަދަށް ކަމުގައާއި ބަހަށް ނޫންކަމުގައި އިބްރާހީމް ޝަރީފްގެ ފަރާތުން ބުނާއިރު، އެއްބަސްވުމުގެ 7 ވަނަ މައްދާގައި ބުނާ ފައިސާ ކޮންމެ ހާލަތެއްގައި ނަމަވެސް އިބްރާހީމް ޝަރީފަށް ރައްދުކޮށްދިނުމަކީ އެއްބަސްވުމުގެ މަޤްޞަދުކަމުގައި ވަނީ ކިހިނަކުންކަމެއް އިބްރާހީމް ޝަރީފަށް ދައްކާދެވިފައިނުވެއެވެ.

އަހުރެން ދެކޭ ގޮތުގައި، ގަންނަ ފަރާތުގެ ޢަމަލެއް ނުވަތަ އިހުމާލެއްގެ ނުވަތަ އެ ނޫންވެސް ސަބަބަކާހުރެ އެއްބަސްވުން ބާޠިލުވި ނަމަވެސް، އެއްބަސްވުމުގެ 7 ވަނަ މާއްދާގައި ހަވާލާދީފައިވާ ފައިސާއަކީ ގަންނަ ފަރާތަށް ދޭންޖެހޭނެ ފައިސާއެއްކަން އެއްބަސްވުމުގައި ސާފުކޮށް ބަޔާންކޮށްފައި ނުވާތީއާއި؛ އެއްބަސްވުން އުވާލުމުގެ ނޯޓިސް ފޮނުވާފައިވަނީ އެ އެއްބަސްވުމާއި އިބްރާހީމް ޝަރީފުގެ ފަރާތުން ޚިލާފުވެގެން ކަމުގައިވާތީ އާއި؛ އެއްބަސްވުމާއި ޚިލާފުވުމަކީ އެއްބަސްވުމުގެ 7 ވަނަ މާއްދާގައި ހަވާލާދީފައިވާ ފައިސާ ދެއްކުމުން އިސްތިސްނާ ހާލަތެއްކަމުގައި އަހުރެންނަށް ބުރަވެވޭތީ، އެއްބަސްވުމުގެ 7 ވަނަ މާއްދާގެ މަޤްޞަދަކީ އެއްބަސްވުމާއި ޚިލާފުގެން ނުވަތަ އެ ނޫން ސަބަބަކާހުރެ ނަމަވެސް އެއްބަސްވުން އުވާލެވޭ ހާލަތުގައި ގަންނަ ފަރާތުގެ ހައިސިއްޔަތުން އިބްރާހީމް ޝަރީފް، އެއްބަސްވުމަށް ވަނުމުގެ ކުރިން ހުރި ހާލަތަށް ރުޖޫއަކުރުންކަމުގައި އަހުރެން ނުދެކެމެވެ.

ދެވަނަ އިސްތިއުނާފީ ނުކުތާ

އެއްބަސްވުމުގެ ބައިވެރިންގެ މެދުގައި ދިމާވާ މައްސަލަތައް ޙައްލުކުރުމުގައި ކަންކުރަންޖެހޭނެ ގޮތް އެއްބަސްވުމުގެ 7 ވަނަ މާއްދާގައި ލިޔެފައި އޮތްހިނދު، އަދި އެއްބަސްވުން މާނަކުރުމުގެ އެންމެ އިސް ޙަކަމަކީ ހަމަ އެ އެއްބަސްވުން ކަމުގައިވާހިނދު، މައްސަލަ ބެއްލެވި ފަނޑިޔާރުންގެ އަމިއްލަ ވިސްނުމުގެ މައްޗަށް އަދި އެއްބަސްވުމުގެ ބައިވެރިން ގަސްދުކޮށްފައިނުވާ މާނައެއް ނިކުންނަ ގޮތަށް އެއްބަސްވުން މާނަކޮށްފައިވަނީ ގޯހުންކަމުގައި އިބްރާހީމް ޝަރީފްގެ ފަރާތުން ބަޔާންކުރެއެވެ.

މި ނުކުތާގެ ރައްދުގައި ޢަބްދުއްރަޝީދުގެ ފަރާތުން ބުނެފައިވަނީ އެއްބަސްވުމުގެ ދަށުން އިބްރާހީމް ޝަރީފްއާ ހަވާލުކުރެވިފައިވަނީ ވަރަށް މަދު އިލްތިޒާމުތަކެއް ކަމުގައާއި، އޭގެ ތެރެއިން އެންމެ އަސާސީ އެއްކަމަކީ އެޗް.ޑީ.ސީއަށް ފައިސާ ދައްކަމުން ދިއުންކަމުގައިވާއިރު، އެއްބަސްވުމުގައިވާ ފަދައިން އެޗް.ޑީ.ސީއަށް ފައިސާ ދައްކާފައި ނުވާތީ އެއްބަސްވުން ބާޠިލުކޮށްފައިވަނީ ކަމަށެވެ. އަދި މިއާއެކު، އެއްބަސްވުމުގެ 7 ވަނަ މާއްދާގައިވާ ފަދައިން މައްސަލަ ހައްލުކުރުމަށް މަސައްކަތްކުރަންޖެހޭނީ އެއްބަސްވުމުގެ ބައިވެރިންގެ މެދުގައި އެއްބަސްވުމާއި ގުޅުންހުރި ކަމެއްގައި މައްސަލައެއް ޖެހިއްޖެނަމަ ކަމުގައިވެސް ޢަބްދުއްރަޝީދުގެ ފަރާތުން ބުނެއެވެ.

ފުރަތަމަ އިސްތިއުނާފީ ނުކުތާއާ ގުޅިގެން ބަޔާންކުރި ކަންކަމުގެ ތެރޭގައި، (މިރައުޔުގެ 20 އަދި 21 ވަނަ ޕެރެގްރާފްގައި) އެއްބަސްވުމުގެ 7 ވަނަ މާއްދާ މާނަކުރުމުން އަހުރެންނަށް ދޭހަވާގޮތް ބަޔާންކޮށްފައިވާނެއެވެ. އެގޮތުން، މައްސަލައެއް ހައްލުކުރުމަށް މަސައްކަތްކުރަންޖެހެނީ އެއްބަސްވުމުގެ ބައިވެރިންގެ މެދުގައި މައްސަލައެއް ޖެހިއްޖެނަމަ (dispute) ކަމުގައި އަހުރެން ދެކެމެވެ. އަދި މާއްދާ ލިޔެފައިވާގޮތުން، އެއްބަސްވުމާއި ޚިލާފުވާ ހާލަތުގައި (breach) މައްސަލައެއް ހައްލުކުރުމަށް މަސައްކަތްކުރަންޖެހޭ ކަމުގައި އަހުރެން ނުދެކެމެވެ.

ބަހުސްގެ ބޭނުމަށްޓަކައި އެއްބަސްވުމާމެދު ވެފައިވާ މި ޚިލާފުވުމަކީ މައްސަލައެއްގެ ގޮތުގައި ބެލިދާނެ ހާލަތެއްކަން ނުވަތަ ނޫންކަމުގެ މައްޗަށް ބަލާއިރު، މި ޚިލާފުވުމަކީ ވަކި އިލްތިޒާމަކާއި ގުޅޭ ކަމެއްކަމުގައިވެފައި، އެ އިލްތިޒާމް އަދާކުރަންޖެހޭ ވަކި މުއްދަތެއް އެއްބަސްވުމުގައި ބަޔާންކޮށްފައި އޮތުމުގެ އިތުރުން، އެއްބަސްވުމުގައި ބަޔާންކޮށްފައިވާ އެ މުއްދަތު ނިމި މާޒީވެފައިވާތީ، މިއީ އެކަމާމެދު ސުވާލު އުފެއްދޭފަދަ، ދެފަރާތުގެ މެދުގައި ޖެހިފައިވާ މައްސަލައެއް ކަމުގައި ބަލަން އަހުރެންނަށް ދައްޗެވެ. މިއީ، އެކަމުގެ މައްޗަށް ސުވާލު އުފެދޭގޮތަށް އޮތް ކަމެއް ކަމުގައި ނުވާތީ، އަދި އެއްބަސްވުމުގައިވާ ފަދައިން އިލްތިޒާމު އުފުލާފައި ނުވާކަމާމެދު ޚުދު އިބްރާހީމް ޝަރީފްވެސް އިންކާރު ނުކުރާތީ، މިއީ ހައްލުކުރަންޖެހޭ ޒާތުގެ ކަމެއް ކަމުގައި ބެލެން އޮތްކަމުގައި ނުދެކެމެވެ.

މިއާއެކު، ފުރަތަމަ އިސްތިއުނާފީ ނުކުތާ ހުށަހެޅުމުގައި އިބްރާހީމް ޝަރީފްގެ ފަރާތުން ބަރޯސާވެފައިވަނީ ބަހަށްވުރެ މަޤްޞަދަށް އަހަންމިއްޔަތުކަން ދިނުމަށް ކަމުގައިވެފައި، މި ދެވަނަ އިސްތިއުނާފީ ނުކުތާ ހުށަހެޅުމުގައި ބަރޯސާވެފައިވަނީ އެއްބަސްވުމުގައި ލިޔެފައި އޮތް އެއްޗަކަށް ޢަމަލުކުރުމަށް ކަމުގައިވާތީ، އަދި މި ދެ ގޮތަށްވެސް އެއްބަސްވުން މާނަކުރުމަށް އެދިފައިވަނީ އެއްބަސްވުމުގެ 7 ވަނަ މާއްދާއާ ގުޅިގެން ކަމުގައިވާތީ، މި ދެ ހުށަހެޅުމުގައި ވަށާޖައްސަން ދަތި ފުށުއެރުންތަކެއް ހުރި ކަމުގައި ފާހަގަކުރަމެވެ.

ތިންވަނަ އިސްތިއުނާފީ ނުކުތާ

އެއްބަސްވުމުގެ 7 ވަނަ މާއްދާގައި އެއްބަސްވުން ނިމުމަކަށް ގެނައުމަށް ޢަމަލުކުރަންވީ ގޮތް ސާފު ޢިބާރާތުން ބަޔާންކޮށްފައިވާއިރު، އެ މާއްދާ މާނަކުރުމުގައި މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ އެއްވެސް ހަމައަކަށް ރިޢާޔަތްކޮށްފައި ނުވާތީ، އެކަމުގެ ސަބަބުން އިބްރާހީމް ޝަރީފްގެ ޙައްޤު ގެއްލިގެން ގޮސްފައިވާ ކަމަށް އޭނާ ބުނެއެވެ. މި ނުކުތާ ތަފްސީލުކުރަމުން އިބްރާހީމް ޝަރީފްގެ ފަރާތުން ބުނެފައިވަނީ، އެއްބަސްވުން މާނަކުރުމުގައި މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނުގެ 4، 5 އަދި 6 ވަނަ މާއްދާ، މިއިން މާއްދާއެއްގައި ބަޔާންކޮށްފައިވާ އުސޫލެއް ތަޠުބީޤުކޮށްފައި ނުވާކަމުގައާއި، އެ ޤާނޫނުގެ 7 ވަނަ މާއްދާއިން އެއިން އެއް އުސޫލެއްގެ މައްޗަށް އަނެއް އުސޫލެއް ތަޠުބީޤުކުރާނަމަ، އޭގެ ސަބަބު ބަޔާންކުރުމަށް ފަނޑިޔާރަށް ލާޒިމުވެގެންވާ ކަމުގައެވެ.

މި ނުކުތާގެ ރައްދުގައި ޢަބްދުއްރަޝީދު ބުނެފައިވަނީ ހައިކޯޓުން މައްސަލަ ނިންމުމުގައި އެއްބަސްވުމުގެ މާއްދާ މާނަކޮށްފައިވަނީ މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނުގެ ކޮން މާއްދާއަކާ ޚިލާފަށް ކަމެއް އިބްރާހީމް ޝަރީފްގެ ފަރާތުން ބުނެދީފައި ނުވާކަމަށާއި، އެ ޤާނޫނުގެ އެއްވެސް މާއްދާއަކާ ހަވާލާދިނުމެއް ނެތި ހައިކޯޓުން މައްސަލަ ނިންމާފައިވުމަކީ އިބްރާހީމް ޝަރީފަށް ބޮޑެތި ގެއްލުންތަކާ ކުރިމަތިލާންޖެހޭ ކަމެއްގެ ގޮތުގައި ފާހަގަކުރާއިރު، މި ކަމުގައި އުފެދޭ ޤާނޫނީ ބަހުސެއް އިބްރާހީމް ޝަރީފަށް ބުނެދިފައި ނުވާކަމަށެވެ.

މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނަކީ ދިވެހިރާއްޖޭގައި ޢަމަލުކުރާ ޤާނޫނުތަކާއި ގަވާއިދުތައް، ވީހާވެސް އެއްގޮތަކަށް، ތަރުޖަމާކުރުމާއި މާނަކުރުމާއި ތަންފީޛުކުރުމުގެ އުސޫލުތައް އެކަށައެޅުމުގެ، އަދި ޤާނޫނީ އިދާރާތަކުންނާއި ޝަރުޢީ ކޯޓުތަކުން ޤާނޫނު މާނަކުރުމުގައާއި ތަރުޖަމާކުރުމުގައާއި ތަންފީޛުކުރުމުގައި، ޢަމަލުކުރަންވީ ހަމަތަކަކީ ކޮބައިކަން އަންގައިދިނުމުގެ މަޤްޞަދުގައި އެކުލަވާލާފައިވާ ޤާނޫނެކެވެ. އެ ޤާނޫނުގެ 4 ވަނަ މާއްދާގައި ބަޔާންކުރާ ހައްލު ހޯދާދިނުމުގެ އުސޫލާއި؛ 5 ވަނަ މާއްދާގައި ބަޔާންކުރާ ޚާއްސަ މާނަ ދިނުމުގެ އުސޫލާއި؛ 6 ވަނަ މާއްދާގައި ބަޔާންކުރާ މަޤްޞަދަށް ބެލުމުގެ އުސޫލަކީ ޤާނޫނު މާނަކުރުމުގައި ބޭނުންކުރެވިދާނެ އުސޫލުތަކުގެ ގޮތުގައި ފާހަގަކޮށްފައިވާ ބައެއް އުސޫލުތަކެވެ. އެ އުސޫލުތަކަކީ އެއްބަސްވުން މާނަކުރުމާގުޅޭ އުސޫލުތަކެއްގެ ގޮތުގައި އެ ޤާނޫނުގައި ފާހަގަކޮށްފައިވާ އުސޫލުތަކެއް ނޫންކަމުން، މި މައްސަލައިގައި، އިބްރާހީމް ޝަރީފްގެ ފަރާތުން ބުނެފައިވާ ކަންކަމާއި ގުޅިގެން މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނަށް ރިއާޔަތްކުރަންޖެހޭ ކަމުގައި އަހުރެން ނުދެކެމެވެ.

ނިންމަން ފެންނަ ގޮތް

މި މައްސަލަ އިސްތިއުނާފުކުރުމުގެ ގޮތުން އިބްރާހީމް ޝަރީފުގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކަށް ބަލާއިރު، އެއީ އެ ކަންކަމުގެ މައްޗަށް ބިނާކޮށް ހައިކޯޓުގެ ނިންމުން ނިންމާފައިވަނީ ޤާނޫނާއި ޚިލާފަށްކަމުގައި ކަނޑައެޅިދާނެ ނުކުތާތަކެއް ކަމުގައި އަހުރެން ނުދެކެމެވެ.

ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ ރައުޔު

މި މައްސަލައިގައި ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންގެ ރައުޔު

މި މައްސަލައިގައި ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

ޙުކުމް

ދެންފަހެ، އިސްވެ ބަޔާންވެދިޔަ ކަންކަން އެ ގޮތުގެމަތިން ހުރުމުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2019/HC-A/21 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމަށް ބަދަލު ގެންނަންޖެހޭނެ ތަނެއް ނެތްކަމުގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅަމެވެ.

މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ:

އަޒްމިރާލްދާ ޒާހިރުޢާއިޝާ ޝުޖޫން މުޙައްމަދުޢަލީ ރަޝީދު ޙުސައިން(ރިޔާސަތު)

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ޝެއަރ ކުރައްވާ