މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ ވ. އަޙްމަދު ޖިޙާދު ޢަބްދުﷲ
ޚުލާޞާ
ޚުލާޞާ ނެތް.
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- —
- ފަހުގެ ތާރީޚު
- —
ނިންމުން
—
ކޯ ޓާމްސް
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
މި ލިޔުމުން އުޞޫލެއް ނުނެގުނު.
ފަނޑިޔާރުން
- ބެންޗު
- —
- ޚިލާފު ރައުޔު
- ނެތް
ޝަރީޢަތުގެ ވީޑިއޯ
ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.
މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ ވ. އަޙްމަދު ޖިޙާދު ޢަބްދުﷲ
ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔު (ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު އަދި ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމް ތާއީދު ކުރައްވާފައި)
ތަޢާރުފު
މިއީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2019/HC-A/43 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށްޓަކައި މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީގެ ފަހުން "އިސްތިއުނާފު ކުރާ ފަރާތް" ނުވަތަ "މީރާ") ގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅުމުން، މި ކޯޓުގެ ނަންބަރު 2021/SC-A/80 ޤަޟިއްޔާއިން ބެލި އިސްތިއުނާފީ މައްސަލައެކެވެ. މި ޤަޟިއްޔާގައި އިސްތިއުނާފު ރައްދުވަނީ އަޙްމަދު ޖިޙާދު ޢަބްދުﷲ (މީގެ ފަހުން "އިސްތިއުނާފު ރައްދުވާ ފަރާތް" ނުވަތަ "އަޙްމަދު ޖިޙާދު ޢަބްދުﷲ") ގެ މައްޗަށެވެ.
މައްސަލައިގެ ކަންހިނގާފައިވާ ގޮތް
ޤާނޫނު ނަންބަރު 2011/10 (މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނު) ގެ ދަށުން އަޙްމަދު ޖިޙާދު ޢަބްދުﷲ މުދަލާއި ޚިދުމަތުގެ އަގުން ނެގޭ ޓެކްސް (މީގެ ފަހުން "ޖީ.އެސް.ޓީ") ގެ ގޮތުގައި ދިވެހި ދައުލަތަށް ދައްކަންޖެހޭ ޖުމްލަ 673,498/-ރ. (ހަލައްކަ ހަތްދިހަތިންހާސް ހަތަރުސަތޭކަ ނުވަދިހައަށް ރުފިޔާ) އާއި، ކަނޑައެޅިފައިވާ ތާރީޚަށް ޤާނޫނާ އެއްގޮތްވާ ގޮތުގެ މަތީން ޓެކްސް ދައްކާފައި ނުވުމުން، 11 ޖަނަވަރީ 2018 އާ ހަމައަށް ކޮށްފައިވާ ޖޫރިމަނާގެ ޖުމްލަ 864,363/-ރ. (އަށްލައްކަ ފަސްދޮޅަސް ހަތަރުހާސް ތިންސަތޭކަ ފަސްދޮޅަސްތިން ރުފިޔާ) އާއި އެކު ޖުމްލަ 1,537,861/-ރ. (އެއްމިލިއަން ފަސްލައްކަ ތިރީސްހަތްހާސް އަށްސަތޭކަ ފަސްދޮޅަސް އެކެއް ރުފިޔާ) އާއި، މި ދަޢުވާގައި ބަޔާންކޮށްފައިވާ ޓެކްސް ނެގޭ މުއްދަތުތަކާ ގުޅިގެން ދައްކަންޖެހޭ ޓެކުހާއި، ޓެކުހުގެ ފައިސާ ދައްކާ ޚަލާޞްކުރުމާ ހަމައަށް، ޤާނޫނު ނަންބަރު 2010/3 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) ގެ 65 ވަނަ މާއްދާއާއި 66 ވަނަ މާއްދާގެ ދަށުން އަރަމުންދާ ޖޫރިމަނާގެ ފައިސާ އެކީ އެއްފަހަރާ ހޯދުމަށް، މީރާއިން އަޙްމަދު ޖިޙާދު ޢަބްދުﷲ ގެ މައްޗަށް ސިވިލް ކޯޓުގައި ދަޢުވާކުރިއެވެ.
ސިވިލް ކޯޓުގެ ނިންމުން
ސިވިލް ކޯޓުގެ ނަންބަރު 522/Cv-C/2018 ޤަޟިއްޔާއިން އެ މައްސަލަ ބަލައި ޙުކުމްކޮށްފައިވަނީ 11 ޖަނަވަރީ 2018 ގެ ނިޔަލަށް ޖީ.އެސް.ޓީގެ ގޮތުގައި 673,498/-ރ. (ހަލައްކަ ހަތްދިހަތިންހާސް ހަތަރު ސަތޭކަ ނުވަދިހައަށް ރުފިޔާ) އާއި، އަދި މި ފައިސާ ދައްކަންޖެހޭ ތާރީޚުގައި ދައްކާފައިނުވާތީ، 03 އޮކްޓޫބަރު 2018 ގެ ނިޔަލަށް ޖޫރިމަނާގެ ގޮތުގައި 941,920/-ރ. (ނުވަލައްކަ ސާޅީސްއެއްހާސް ނުވަސަތޭކަވިހި ރުފިޔާ) އަޙްމަދު ޖިޙާދު ޢަބްދުﷲ ގެ ފަރާތުން މީރާއަށް ދައްކަންޖެހޭކަން ސާބިތުވާތީ، ޖީ.އެސް.ޓީ އާއި ޖޫރިމަނާގެ ގޮތުގައި 03 އޮކްޓޫބަރު 2018 ގެ ނިޔަލަށް ދައްކަންޖެހޭ ޖުމްލަ 1,615,418/-ރ. (އެއްމިލިއަން ހަލައްކަ ފަނަރަހާސް ހަތަރު ސަތޭކަ އަށާރަ ރުފިޔާ) އާއި މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގޭ މުއްދަތުތަކާ ގުޅިގެން، ޖީ.އެސް.ޓީގެ ގޮތުގައި ދައްކަންޖެހޭ ފައިސާ، އަޙްމަދު ޖިޙާދު ޢަބްދުﷲ ގެ ފަރާތުން މީރާއަށް ދައްކާ ޚަލާސްކުރުމާއި ހަމައަށް އަރަމުންދާ ޖޫރިމަނާގެ ފައިސާއަކީ، އެ ފަރާތުން މީރާއަށް ދައްކަންޖެހޭ ފައިސާ ކަމުގައި ކަނޑައަޅައި، އެ ހުރިހާ ފައިސާއެއް މީރާއަށް ލިބިދިނުމުގެ ގޮތުން 04 އޮކްޓޫބަރު 2018 އިން ފެށިގެން 06 (ހައެއް) މަސްދުވަހުގެ ތެރޭގައި، މީރާއަށް ފައިސާ ދައްކާ ޚަލާޞްކުރުމަށް އަޙްމަދު ޖިޙާދު ޢަބްދުﷲ އަށް އަންގައެވެ.
ސިވިލް ކޯޓުން އެފަދައިން ނިންމާފައިވަނީ އަންނަނިވި ކަންކަމުގެ މައްޗަށް ބިނާކޮށްކަން ސިވިލް ކޯޓުގެ ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށް ބެލުމުން އެނގެން އޮވެއެވެ.
އަޙްމަދު ޖިޙާދު ޢަބްދުﷲ އަކީ މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނުގެ 51 ވަނަ މާއްދާގެ ދަށުން ޖީ.އެސް.ޓީ ދައްކަންޖެހޭ ފަރާތެއްގެ ގޮތުގައި 02 އޮކްޓޯބަރ 2011 ގައި މީރާގައި ރަޖިސްޓަރީ ކޮށްފައިވާ ފަރާތެއްކަން.
އަޙްމަދު ޖިޙާދު ޢަބްދުﷲ އަކީ، މުދަލާ ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނުގެ 24 ވަނަ މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފަދައިން، އޭނާ ފޯރުކޯށްދޭ ޚިދުމަތުގެ އަގުގެ ގޮތުގައި މަހެއްގެ ތެރޭގައި 1,000,000/-ރ. (އެއްމިލިއަން ރުފިޔާ) އަށްވުރެ އިތުރަށް އާމްދަނީ ލިބޭ ފަރާތަކަށްވާތީ، އޭނާއަކީ ކޮންމެ މަހަކު 01 (އެކެއް) ފަހަރު މީރާއަށް ޖީ.އެސް.ޓީ ހުށަހަޅަންޖެހޭ ފަރާތެއްކަން.
އަޙްމަދު ޖިޙާދު ޢަބްދުﷲ އަކީ މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނުގެ 27 ވަނަ މާއްދާއާ އެއްގޮތްވާ ގޮތުގެ މަތިން ޓެކްސް ނެގޭ ކޮންމެ މުއްދަތަކަށް ޖީ.އެސް.ޓީ ފައިސާގެ ގޮތުގައި މީރާއަށް ދައްކަންޖެހޭ މިންވަރު އެ ޤާނޫނާއި އެ ޤާނޫނުގެ ދަށުން ހަދާފައިވާ ޤަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން ހިސާބުކުރުމަށްފަހު އެކުލަވާލައި ޖީ.އެސް.ޓީ ބަޔާނެއް، މިއިން ކޮންމެ މުއްދަތެއްގައި ހުށަހަޅަންޖެހޭ ފަރާތެއްކަން ހުށަހެޅިފައިވާ ލިޔެކިޔުންތަކުންނާއި، އަޙްމަދު ޖިޙާދު ޢަބްދުﷲ ގެ ވާހަކައިން އެނގޭކަން.
ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 65 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައި "ޓެކްސް ބަޔާން ހުށަނޭޅުން" އެއީ ކުށެއް ކަމުގައި ބަޔާންކޮށް، އެ ކުށުގެ އަދަބަކީ (1) ޓެކްސް ނެގޭ މުއްދަތުގައި ދައްކަންޖެހޭ ޓެކްސްގެ ފައިސާގެ 0.5% (ސުމެއް ޕޮއިންޓް ފަހެއް އިންސައްތަ) އިން ޖޫރިމަނާކުރުން އަދި (2) ޓެކްސް ބަޔާނެއް ހުށަހަޅަންޖެހޭ ދުވަހަށް ފޯރުކޮށްނުދީ ހިނގާ ކޮންމެ ދުވަހަކަށް، ނުވަތަ ވިތްހޯލްޑިންގްސް ޓެކްސްގެ ގޮތުގައި ދައްކަންޖެހޭ ފައިސާ ނުދައްކާ ވޭތުވެދާ ކޮންމެ ދުވަހަކަށް 50/-ރ. (ފަންސާސް ރުފިޔާ) އަށްވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާކުރުން ކަން.
ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 66 ވަނަ މާއްދާގެ (ހ) ގައި ޓެކްސް ޤާނޫނެއްގެ ދަށުން ޓެކްސް ދައްކަންޖެހޭ ފަރާތުން، އޭނާ ދައްކަންޖެހޭ ޓެކްސް ދައްކަންޖެހޭ ދުވަހަށް ނުދައްކައިފިނަމަ، އެ ކުރަނީ ކުށެއް ކަމުގައި ބަޔާންކުރުމަށްފަހު، އެ ކުށުގެ އަދަބަކީ އެ ކުށް ކުރި ފަރާތުން ދައްކަންޖެހޭ ޓެކްސް ދައްކަންޖެހޭ ދުވަހުން ފެށިގެން ވޭތުވަމުންދާ ކޮންމެ ދުވަހަކަށް ނުދައްކާ އޮތް އަދަދުގެ %0.05 (ސުމެއް ޕޮއިންޓް ސުމެއް ފަހެއް އިންސައްތަ) އިން އެ ފަރާތެއް ޖޫރިމަނާ ކުރުންކަމުގައި ބަޔާންކޮށްފައިވާކަން.
އަޙްމަދު ޖިޙާދު ޢަބްދުﷲ ދައްކަންޖެހި ނުދައްކާ އޮންނަ ޖީ.އެސް.ޓީގެ ފައިސާ އާއި، ޤާނޫނާއި ޤަވާޢިދާ އެއްގޮތަށް ޖީ.އެސް.ޓީ ދައްކާފައިނުވާތީ އަރާފައިވާ ޖޫރިމަނާ 24 ނޮވެންބަރު 2017 ގެ ނިޔަލަށް ދައްކާ ޚަލާސްކުރުމަށް، މީރާގެ ނަންބަރު1013524/DUN2-GST/ECS/2017/D0012 (09 ނޮވެންބަރު 2017) ސިޓީން އަޙްމަދު ޖިޙާދު ޢަބްދުﷲ އަށް އެންގިކަން.
މީރާގެ ނިންމުމަކާ މެދު ޓެކްސް ދައްކާ ފަރާތުން އިއުތިރާޟު ކުރާނަމަ، އެ އެންގުން އެންގި ތާރީޚުން ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި، އެ ކަން މީރާއަށް އެ ފަރާތުން އަންގަންވާނެ ކަމުގައި ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 42 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަމާއި، މީރާއަށް ހުށަހެޅުމުން ނިންމާ ނިންމުމާއި މެދު ހިތްހަމަނުޖެހޭނަމަ، އެ ނިންމުން އިސްތިއުނާފު ކުރުމުގެ ގޮތުން ޓެކްސް އެޕީލް ޓްރައިބިއުނަލަށް 30 (ތިރީސް) ދުވަހުގެ ތެރޭގައި ހުށަހެޅިދާނެ ކަމަށް ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 44 ވަނަ މާއްދާގައި ބަޔާންކޮށްފައި އޮތުމުން، މި ދަޢުވާގައި ބުނާ ފައިސާއާ މެދު މި މަރުޙަލާގައި އަޙްމަދު ޖިޙާދު ޢަބްދުﷲ އަށް އިންކާރު ކުރެވޭނެ ހަމައެއް ނެތްކަން.
އިސްތިއުނާފު ކުރެވޭ މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައިވާ ގޮތް
ސިވިލް ކޯޓުގެ ނަންބަރު 522/Cv-C/2018 ޤަޟިއްޔާ ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުސޫލުތަކާ ޚިލާފަށް ކަމަށްބުނެ، އެ ޤަޟިއްޔާގެ ނިންމުން އަޙްމަދު ޖިޙާދު ޢަބްދުﷲ ގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިވެއެވެ. އެ މައްސަލަ ހައިކޯޓުގެ ނަންބަރު 2019/HC-A/43 ޤަޟިއްޔާއިން ބަލައި ސިވިލް ކޯޓުންކޮށްފައިވާ ޙުކުމް ބާޠިލުކޮށްފައިވެއެވެ.
ދިވެހިރާއްޖޭގެ ހައިކޯޓުން އެފަދައިން ނިންމާފައިވަނީ އަންނަނިވި ކަންކަމުގެ މައްޗަށް ބިނާކޮށްކަން އެ ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށް ބެލުމުން އެނގެން އޮވެއެވެ.
ސިވިލް ކޯޓަށް ހުށަހެޅުނު މައްސަލައިގައި މީރާގެ ފަރާތުން އެދިފައިވަނީ ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ ހަތްވަނަ ބާބުގައި ބަޔާންކުރާ ކުށާއި އަދަބުގެ ތެރޭގައި ހިމެނޭ ފައިސާތަކެއް ހޯދުމަށް ކަމުގައިވާހިނދު، އެ ޤާނޫނުގެ ހަތްވަނަ ބާބުގައި ބަޔާންކުރާ ކުށާއި އަދަބު ކަނޑައެޅުމުގެ ބާރަކީ އެ ޤާނޫނުގެ 67 ވަނަ މާއްދާގެ (ހ) ދަށުން ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ކުރަންޖެހޭ ކަމެއް ކަމުގައިވާނަމަވެސް، އަދަބު ކަނޑައެޅުމާގުޅޭ ގޮތުން ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ނިންމާފައިވާ ނިންމުމެއް ހުށަހަޅާފައި ނެތްކަން.
މީޑިއާނެޓް ޕްރައިވެޓް ލިމިޓެޑް ވ. މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ ގައި ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 49 ވަނަ މާއްދާގެ (ހ) ގައި ސާފު އިބާރާތުން، ދަރަނި ސާބިތުކުރުމަށް ޝަރުޢީ ކޯޓުތަކަށް މީރާއިން ހުށަހަޅާ މައްސަލަތަކުގައި، މީރާއިން ޓެކްސްގެ ގޮތުގައި ދައްކަންޖެހޭ ޢަދަދު ކަމަށް ބުނެ ހުށަހަޅާ ޢަދަދުތަކާމެދު ބަހުސްކޮށް އިޢުތިރާޒު ކުރުމުގެ އިތުރުން، މުޅި މައްސަލައިގައި ހިމެނޭ އެހެނިހެން ކަންކަމާ ގުޅޭގޮތުން ޓެކްސް ދައްކާ ފަރާތުން ހުށަހަޅަން ބޭނުންވާ ކަންކަން ހުށަހެޅުމުގެ ފުރުޞަތު ސީދާ ޤާނޫނުން ލިބިދެވޭ ކަމުގައި ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާތީ، ޝަރީޢަތުގެ މަރުހަލާގައި އެ ދަޢުވާގައި ބުނާ ފައިސާއާމެދު އިންކާރުވޭނެ ހަމައެއް ނެތް ކަމަށް ސިވިލް ކޯޓުގެ ނިންމުމުގައި ކަނޑައަޅާފައިވަނީ ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 49 ވަނަ މާއްދާގެ (ށ) އާ ޚިލާފަށްކަން.
މީރާއިން ތައްޔާރު ކޮށްފައިވާ އޮޑިޓް ރިޕޯޓު އަޙްމަދު ޖިޙާދަށް ޢަބްދުﷲ އަށް ލިބިފައިވަނީ 12 ޖަނަވަރީ 2015 ގައި ކަމުގައިވާއިރު، އެ ތާރީޚަކީ އަޙްމަދު ޖިޙާދު ޢަބްދުﷲ އަށް އެ ރިޕޯޓަށް ކޮމެންޓް ކުރުމަށް ލިބިދީފައިވާ މުއްދަތުގެ ފަހުގެ ތާރީޚެއްކަން.
އޮޑިޓް ރިޕޯޓުގައި ބަޔާންކޮށްފައިވާ ވިޔަފާރިތައް ނުކުރާކަމަށް ބުނެ އަޙްމަދު ޖިޙާދު ޢަބްދުﷲ ގެ ފަރާތުން މީރާއަށް ސިޓީއެއް ފޮނުވާފައިވާ ހިނދު، މީރާއަށް ސިޓީ ލިބިއޮވެމެ، އެ ސިޓީއަށް މީރާއިން ޖަވާބެއް ދިނުމަކާ ނުލައި އެ ރިޕޯޓް ފައިނަލްކޮށްފައިވާއިރު، (ވަގުތު އޮއްވާ) އަޙްމަދު ޖިޙާދު ޢަބްދުﷲ އަށް މީރާއިން އޮޑިޓް ރިޕޯޓު ފޮނުވިކަމަށް ބުނި ނަމަވެސް އެކަން ސާބިތުކުރުމަށް މީރާއިން ޝަރީޢަތަށް އެއްވެސް ހެއްކެއް ހުށަހަޅާފައި ނުވާކަމާއި، ސިވިލް ކޯޓަށްވެސް އެ އޮޑިޓް ރިޕޯޓު ހުށަހަޅާފައި ނުވާކަމަށް މީރާއިން ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ބުނެފައިވާކަން.
ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 44 ވަނަ މާއްދާގައި ބަޔާންކުރާ މުއްދަތުގައި އަޙްމަދު ޖިޙާދު ޢަބްދުﷲ އަށް އޮޑިޓް ރިޕޯޓު ލިބިފައި ނުވުމާއި، އޭގެ ސަބަބުން ޓެކްސް އެޕީލް ޓްރައިބިއުނަލުގައި އޮޑިޓް ރިޕޯޓު އެޕީލްކުރުމުގެ ފުރުޞަތު އޭނާއަށް ގެއްލިފައިވާކަން.
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައިވާ ނުކުތާތައް
ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2019/HC-A/43 ޤަޟިއްޔާ ނިންމާފައިވަނީ ޤާނޫނާ އެއްގޮތަށް ނޫންކަމަށް ބުނެ އެ ޤަޟިއްޔާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމަށްޓަކައި މީރާގެ ފަރާތުން 04 (ހަތަރެއް) ސަބަބެއް ހުށަހަޅާފައިވެއެވެ.
ފުރަތަމަ ސަބަބަކީ، ދިވެހިރާއްޖޭގެ ހައިކޯޓުން މައްސަލަ ނިންމުމުގައި އަޙްމަދު ޖިޙާދު ޢަބްދުﷲ އަށް އޮޑިޓް ރިޕޯޓު ލިބިފައި ނުވާ ކަމަށް އޭނާގެ ބަހުގެ މައްޗަށް ނިންމާފައިވަނީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާ އާއި ސުޕްރީމް ކޯޓުގެ ދިވެހި ރައްޔިތުންގެ ޕާޓީ ވ. ހަބް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް [2021] SC 37 ގައި ކަނޑައަޅާފައިވާ، ޤަޟާއީ ނިޒާމުތަކުގައި ގެންގުޅޭ އުސޫލެއް ކަމަށްވާ “et incumbit probation qui dicit, non qui negat, actor incipit probation” އާ ޚިލާފަށް ކަމަށް ބުނެ ހުށަހެޅި ސަބަބު.
ދެވަނަ ސަބަބަކީ، އަޙްމަދު ޖިޙާދު ޢަބްދުﷲ އަށް އޮޑިޓް ރިޕޯޓު ލިބިފައި ނުވާތީ، ޓެކްސް އެޕީލް ޓްރައިބިއުނަލުގައި އިސްތިއުނާފު ކުރުމުގެ ފުރުޞަތު ގެއްލިފައިވާ ކަމަށް ނިންމާފައިވަނީ ޤާނޫނު ނަންބަރު 76/24 (ހެއްކާބެހޭ ޤާނޫނު) ގެ 6 ވަނަ މާއްދާއާ ޚިލާފަށް ކަމަށް ބުނެ ހުށަހެޅި ސަބަބު.
ތިންވަނަ ސަބަބަކީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ޤަޟިއްޔާގައި ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 67 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ނިންމާ ނިންމުމެއް ކަމަށް ބެލެވޭ އެއްވެސް ލިޔުމެއް ހުށަހަޅާފައި ނުވާކަމަށް ބަޔާންކޮށް ނިންމާފައިވަނީ، އެ މާއްދާގައި ބަޔާންކުރާފަދަ ލިޔުމެއް ވުޖޫދުވެ އޮތް ޙާލަތުގައި، އެ ލިޔުމަށް ރިޢާޔަތްކުރުމެއް ނެތި ކަމަށް ބުނެ ހުށަހެޅި ސަބަބު.
ހަތަރުވަނަ ސަބަބަކީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ޤަޟިއްޔާގައި ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 67 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ މަދަނީ އަދަބު ކަނޑައެޅުމުގައި ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ނިންމާ ނިންމުމެއް ނެތްކަމަށް ބަލައި، އެ ދަޢުވާގައި ހޯދުމަށް އެދިފައިވާ ޓެކުހުގެ ޢަދަދު ނުހޯދޭނެ ފަދައަކުން ނިންމާފައިވަނީ އެ މާއްދާގެ މަފްޙޫމާ ޚިލާފަށް ކަމަށް ބުނެ ހުށަހެޅި ސަބަބު.
މީރާގެ ފަރާތުން ހުށަހަޅާފައިވާ މި އިސްތިއުނާފީ ނުކުތާތަކާމެދު އަހުރެން ދެކޭގޮތް ވަކިވަކިން ބަޔާންކުރާނަމެވެ.
ފުރަތަމަ އިސްތިއުނާފީ ނުކުތާ
ދިވެހިރާއްޖޭގެ ހައިކޯޓުން މައްސަލަ ނިންމާފައިވަނީ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާ އާއި ސުޕްރީމް ކޯޓުގެ ދިވެހި ރައްޔިތުންގެ ޕާޓީ ވ. ހަބް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް [2021] SC 37 ގައި ކަނޑައަޅާފައިވާ އުސޫލާ ޚިލާފަށް ކަމަށް މީރާއިން ބުނެފައިވަނީ، މަދަނީ ޚުޞޫމާތްތަކުގައި އެއް ހަސްމަކު އަނެއް ހަސްމަކާއި ކުރިމަތިކުރާ ދަފްޢު ސާބިތުކުރުމުގެ މަސްއޫލިއްޔަތު އަދާކުރަންޖެހޭ ފަރާތަކީ އެ ދަފްޢު ކުރިމަތިކުރާ ފަރާތް ކަމުގައިވާހިނދު، އަޙްމަދު ޖިޙާދު ޢަބްދުﷲ ގެ ފަރާތުން އެ ކަންކަން ސާބިތުކުރުމަށް ހެކި ހުށަހަޅާފައި ނުވަނީސް، ދިވެހިރާއްޖޭގެ ހައިކޯޓުގެ ޤަޟިއްޔާގައި އަންނަނިވި ކަންކަން އެގޮތަށް ހުރިކަމުގައި ބަލައިގެން މައްސަލައިގެ ގޮތް ނިންމާފައިވާތީ ކަމުގައި ބުނެއެވެ.
ދިވެހިރާއްޖޭގެ ހައިކޯޓުގެ ޤަޟިއްޔާ ނިމުނުގޮތުގެ ރިޕޯޓުގައި މީރާއިން އަޙްމަދު ޖިޙާދު ޢަބްދުﷲ ގެ ވިޔަފާރިތައް އޮޑިޓްކުރުމަށްފަހު އަޙްމަދު ޖިޙާދު ޢަބްދުﷲ އަށް އޮޑިޓް ރިޕޯޓު ފޮނުވުމުން އެ ރިޕޯޓުގައި ބަޔާންކޮށްފައިވާ ވިޔަފާރިތައް ނުކުރާކަމަށް ބުނެ އަޙްމަދު ޖިޙާދު ޢަބްދުﷲ މީރާއަށް ފޮނުވި ސިޓީއަށް މީރާއިން ޖަވާބެއް ދިނުމަކާ ނުލައި އޮޑިޓް ރިޕޯޓް ފައިނަލް ކޮށްފައިވާކަން.
މީރާއިން އޮޑިޓް ރިޕޯޓު އަޙްމަދު ޖިޙާދު ޢަބްދުﷲ އަށް ފޮނުވިކަމުގެ އެއްވެސް ހެއްކެއް ޝަރީޢަތަށް ހުށަހަޅާފައި ނުވާކަން.
އެކަންކަމުގެ ސަބަބުން، ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 44 ވަނަ މާއްދާގައި ބަޔާންކުރާ މުއްދަތުގައި އަޙްމަދު ޖިޙާދު ޢަބްދުﷲ އަށް އޮޑިޓް ރިޕޯޓު ލިބިފައި ނުވާތީ، އަޙްމަދު ޖިޙާދު ޢަބްދުﷲ އަށް އެ ރިޕޯޓު އިސްތިއުނާފު ކުރުމުގެ ފުރުސަތު ގެއްލިފައިވާކަން.
މި އިސްތިއުނާފީ ނުކުތާގެ ރައްދުގައި އަޙްމަދު ޖިޙާދު ޢަބްދުﷲ ގެ ފަރާތުން ބުނެފައިވަނީ، މީރާގެ ފަރާތުން 03 މާރޗް 2015 ގައި އަދި 08 މާރޗް 2015 ގައިވެސް އަޙްމަދު ޖިޙާދު ޢަބްދުﷲ އާ ޙަވާލުކޮށްފައި ވާކަމަށް ލިޔެފައިވަނީ މީރާގެ ނަންބަރު 1017806/NOTA-GST/IBAS/2015/03 ލިޔުން ކަމުގައިވާއިރު، 03 މާރޗް 2015 ގައި ފައިނަލް ކޮށްފައިވާ ރިޕޯޓެއް 8 މާރޗް 2015 ގައި ރިވައިސް ކޮށްފައިވާ ކަމަށް ލިޔެކިޔުން ތަކުން ފެންނަން އޮތުމުން، މީރާއިން ދައްކާ ވާހަކަ ދެކޮޅު ނުޖެހޭކަމުގައެވެ. ބަހުސްގެ ބޭނުމަށްޓަކައި، މި ދެ ތާރީޚުގައި އަޙްމަދު ޖިޙާދު ޢަބްދުﷲ އަށް އޮޑިޓް ރިޕޯޓު ރައްދުކުރެވޭނެ ކަމަށް ބެލި ނަމަވެސް، އެ ރިޕޯޓަކީ ފައިނަލް ރިޕޯޓު ކަމަށް ނުވާނެ ކަމަށާއި، އޭގެ ފައިނަލް ރިޕޯޓް އަޙްމަދު ޖިޙާދު ޢަބްދުﷲ އަށް ލިބިފައިނުވާ ކަމަށްވެސް އޭނާ ބުނެއެވެ. މީގެ އިތުރުން، މީރާގެ ފަރާތުން އިސްތިއުނާފީ ފުރަތަމަ ނުކުތާގައި ހައިކޯޓުގެ ނިންމުން ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ހ)، (ށ) އަދި (ނ) އާ ޚިލާފުކަމަށް ބަޔާންކޮށްފައިވާއިރު، ހައިކޯޓުގެ ނިންމުމުގައި ބަޔާންކުރާ ކަންކަމުގެ ތެރެއިން ޤާނޫނުއަސާސީއާ ޚިލާފުވަނީ ވަކި މިވެނި ކަމަކަށްކަން ބަޔާންކޮށްފައި ނެތްކަމާއި، ހައިކޯޓުގެ ނިންމުން އެ މާއްދާއާ ޚިލާފުވި ގޮތް ތަފްސީލު ކޮށްދީފައި ނުވާ ކަންވެސް އަޙްމަދު ޖިޙާދު ޢަބްދުﷲ ފާހަގަކޮށްފައިވެއެވެ.
އޮޑިޓް ރިޕޯޓު ފައިނަލްކުރީ އަޙްމަދު ޖިޙާދު ޢަބްދުﷲ މީރާއަށް ފޮނުވި ސިޓީއަށް ބެލުމެއް ނެތިތަ؟
މީރާއިން އަޙްމަދު ޖިޙާދު ޢަބްދުﷲ ގެ ފަރާތުން ކުރި ވިޔަފާރިތަކާ ގުޅޭގޮތުން ތައްޔާރުކޮށް، މި މައްސަލަ ސިވިލް ކޯޓުގައި ހިނގަމުން ދިޔައިރު އެ ކޯޓަށް ހުށަހަޅާފައިވާ ކަމަށް އެނގެން ހުރީ އަންނަނިވި ލިޔެކިޔުންތަކެވެ.
ލިޔުމުގެ ނަން ލިޔުމުގެ ތާރީޚް ލިޔުމުގެ ނަންބަރު
ޖީ.އެސް.ޓީ. އޮޑިޓާގުޅޭ (ސިޓީ) 23 ނޮވެމްބަރ 2014 220-GSTA/PRIV/2014/5334
ދައްކަންޖެހޭ ޓެކުހުގެ މިންވަރު އަންގާ އެންގުން 1 މާރޗް 2015 1017806/NOTA-GST/IBAS/2015/03
އިސްލާހުކޮށްފައިވާ ޖީ.އެސް.ޓީ ބަޔާން (ޓޫރިޒަމް ދާއިރާ ނޫން ދާއިރާތަކުގެ މުދަލާއި ޚިދުމަތް) 1 މާރޗް 2015 -
އިސްލާހުކޮށްފައިވާ ޖީ.އެސް.ޓީ ބަޔާން (ޓޫރިޒަމް ދާއިރާ ނޫން ދާއިރާތަކުގެ މުދަލާއި ޚިދުމަތް) 1 މާރޗް 2015 -
އިސްލާހުކޮށްފައިވާ ޖީ.އެސް.ޓީ ބަޔާން (ޓޫރިޒަމް ދާއިރާ ނޫން ދާއިރާތަކުގެ މުދަލާއި ޚިދުމަތް) 1 މާރޗް 2015 -
އިސްލާހުކޮށްފައިވާ ޖީ.އެސް.ޓީ ބަޔާން (ޓޫރިޒަމް ދާއިރާ ނޫން ދާއިރާތަކުގެ މުދަލާއި ޚިދުމަތް) 1 މާރޗް 2015 -
އިސްލާހުކޮށްފައިވާ ޖީ.އެސް.ޓީ ބަޔާން (ޓޫރިޒަމް ދާއިރާ ނޫން ދާއިރާތަކުގެ މުދަލާއި ޚިދުމަތް) 1 މާރޗް 2015 -
އިސްލާހުކޮށްފައިވާ ޖީ.އެސް.ޓީ ބަޔާން (ޓޫރިޒަމް ދާއިރާ ނޫން ދާއިރާތަކުގެ މުދަލާއި ޚިދުމަތް) 1 މާރޗް 2015 -
އިސްލާހުކޮށްފައިވާ ޖީ.އެސް.ޓީ ބަޔާން (ޓޫރިޒަމް ދާއިރާ ނޫން ދާއިރާތަކުގެ މުދަލާއި ޚިދުމަތް) 1 މާރޗް 2015 -
އިސްލާހުކޮށްފައިވާ ޖީ.އެސް.ޓީ ބަޔާން (ޓޫރިޒަމް ދާއިރާ ނޫން ދާއިރާތަކުގެ މުދަލާއި ޚިދުމަތް) 1 މާރޗް 2015 -
އިސްލާހުކޮށްފައިވާ ޖީ.އެސް.ޓީ ބަޔާން (ޓޫރިޒަމް ދާއިރާ ނޫން ދާއިރާތަކުގެ މުދަލާއި ޚިދުމަތް) 1 މާރޗް 2015 -
އިސްލާހުކޮށްފައިވާ ޖީ.އެސް.ޓީ ބަޔާން (ޓޫރިޒަމް ދާއިރާ ނޫން ދާއިރާތަކުގެ މުދަލާއި ޚިދުމަތް) 1 މާރޗް 2015 -
އިސްލާހުކޮށްފައިވާ ޖީ.އެސް.ޓީ ބަޔާން (ޓޫރިޒަމް ދާއިރާ ނޫން ދާއިރާތަކުގެ މުދަލާއި ޚިދުމަތް) 1 މާރޗް 2015 -
ދައްކަންޖެހޭ ޓެކުހުގެ މިންވަރު އަންގާ އެންގުން (އިސްލާހުކޮށްފައި) 5 މާރޗް 2015 1017806/NOTA-GST/IBAS/2015/04
Final Notice for non-filing of GST and Notification of Audit 13 ނޮވެމްބަރ 2017 1017806/DUN2-GST/ECS/2017/D0002
ދިވެހިދައުލަތަށް ފައިސާ ނުދައްކާ ފަރާތުގެ މަޢުލޫމާތު ހިމެނޭ ލިޔުން 11 ޖެނުއަރީ 2018 -
މި މައްސަލަ ސިވިލް ކޯޓުގައި ހިނގަމުން ދިޔައިރު، މީރާއިން އަޙްމަދު ޖިޙާދު ޢަބްދުﷲ އަށް ލިޔެކިޔުން ފޮނުވާފައިވާކަން ސާބިތުކޮށްދިނުމުގެ ގޮތުން މީރާގެ ފަރާތުން ލިޔެކިޔުން ރައްދުކުރާ ފޮތުގެ ބައެއް ސަފުހާތަކުގެ ނަކަލު ހުށަހަޅާފައިވެއެވެ. އެގޮތުން ހުށަހަޅާފައިވާ ސަފްހާތަކަށް ބެލުމުން، މީރާއިން އަޙްމަދު ޖިޙާދު ޢަބްދުﷲ އަށް ރައްދުކޮށްފައިވާކަން އެނގެން ހުރީ އަންނަނިވި ލިޔެކިޔުންތަކެވެ.
ލިޔުމުގެ ނަން ލިޔުމުގެ ނަންބަރު ރައްދުކުރި ތާރީޚް
އެނގެން ނެތް 220-AID/PRIV/2014/5334 12 ޖެނުއަރީ 2015
އެނގެން ނެތް 1017806/NOTA-GST/IBAS/2015/03 3 މާރޗް 2015
އެނގެން ނެތް 1017806/NOTA-GST/IBAS/2015/03 8 މާރޗް 2015
މީރާއިން އަޙްމަދު ޖިޙާދު ޢަބްދުﷲ ގެ ފަރާތުން ކުރި ވިޔަފާރިތަކާ ގުޅޭގޮތުން ތައްޔާރުކޮށްފައިވާ އިސްވެ (މި ރައުޔުގެ 11 ވަނަ ޕެރެގްރާފްގައި) ބަޔާންކުރެވުނު ލިޔުންތަކާއި، މީރާގެ ފަރާތުން އަޙްމަދު ޖިޙާދު ޢަބްދުﷲ އަށް ފޮނުވާފައިވާކަން އެނގޭ (މި ރައުޔުގެ 12 ވަނަ ޕެރެގްރާފްގައި) ލިޔުންތަކަށް ބެލުމުން، އަޙްމަދު ޖިޙާދު ޢަބްދުﷲ އަށް ރައްދުވެފައިވާ ކަމަށް ބުނެ ހުށަހަޅާފައިވާ ލިޔެކިޔުމުގެ ތަފްސީލު ބަޔާންކުރުން މުހިންމެވެ. އެގޮތުން، އެ ލިޔުންތަކަކީ:
މީރާގެ ނަންބަރު 220-GSTA/PRIV/2014/5334 "ޖީ.އެސް.ޓީ. އޮޑިޓާގުޅޭ (ސިޓީ)" (23 ނޮވެމްބަރ 2014) -
މި ސިޓީއަކީ 02 އޮކްޓޯބަރ 2011 އިން ފެށިގެން 30 ޖޫން 2014 އަށް މީރާގެ ފަރާތުން އަޙްމަދު ޖިޙާދު ޢަބްދުﷲ ގެ ނަމުގައިވާ ޓެކްސް ނެގޭ ހަރަކާތްތަކުގެ ޖީ.އެސް.ޓީ. އޮޑިޓާގުޅޭ ޖީ.އެސް.ޓީ. އޮޑިޓް ރިޕޯޓުގެ ދެލިކޮޕީ އަޙްމަދު ޖިޙާދު ޢަބްދުﷲ އަށް ރައްދުކުރުމުގެ ގޮތުން ފޮނުވާފައިވާ ސިޓީއެކެވެ. މި ސިޓީގައި، ޖީ.އެސް.ޓީ. އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ މައްސަލަތަކާއި، ޓެކުހުގެ އަދަދު ހިސާބުކުރުމާ ގުޅުންހުރި އެއްވެސް ކޮމެންޓެއް އޮތްނަމަ، ނުވަތަ ހުށަހަޅަން ބޭނުންވާ ލިޔުމެއް އޮތްނަމަ، 30 ނޮވެމްބަރ 2014 ގެ ނިޔަލަށް ހުށަހެޅުމަށް އެދިފައިވެއެވެ. އަދި 7 (ހަތެއް) ދުވަހުގެ ތެރޭގައި ކޮމެންޓެއް ނުލިބުނުނަމަ، ކޮމެންޓެއް ނެތީކަމުގައި ބަލާނެކަމުގައިވެސް ސިޓީގައި ބަޔާންކޮށްފައިވެއެވެ.
ސިޓީގައި އޮތް ތާރީޚަކީ 23 ނޮވެމްބަރ 2014 ނަމަވެސް، މީރާއިން ލިޔެކިޔުން ރައްދުކުރިކަން ސާބިތުކުރުމުގެ ގޮތުން ދަށުކޯޓަށް ހުށަހަޅާފައިވާ ލިޔެކިޔުމަށް ބެލުމުން، ސިޓީ ރައްދުކޮށްފައިވަނީ 12 ޖެނުއަރީ 2015 ގައިކަން އެނގެން އޮވެއެވެ.
މީރާގެ ނަންބަރު 1017806/NOTA-GST/IBAS/2015/03 "ދައްކަންޖެހޭ ޓެކުހުގެ މިންވަރު އަންގާ އެންގުން" (1 މާރޗް 2015) -
މި ލިޔުމަކީ ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 30 ވަނަ މާއްދާގެ ދަށުން 02 އޮކްޓޯބަރ 2011 އިން ފެށިގެން 30 ޖޫން 2014 އަށް މީރާގެ ފަރާތުން އަޙްމަދު ޖިޙާދު ޢަބްދުﷲ ގެ ޖީ.އެސް.ޓީ. އާގުޅޭ ހިސާބުތައް އޮޑިޓް ކުރުމުގައި ފާހަގަކުރެވުނު ކަންކަމަށް ރިއާޔަތްކޮށް، ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 39 ވަނަ މާއްދާގެ (ހ) ގެ ދަށުން އަޙްމަދު ޖިޙާދު ޢަބްދުﷲ ދައްކަންޖެހޭ ޓެކުހުގެ އަދަދު ކަނޑައަޅާ، ފޮނުވާފައިވާ ލިޔުމެއްކަން އެނގެން އޮވެއެވެ.
އެ ލިޔުމާއެކު އޮޑިޓުން ފާހަގަވެފައިވާ ކަންކަން ހިމަނައި ތައްޔާރުކޮށްފައިވާ އޮޑިޓް ރިޕޯޓު ހިމަނާފައިވާކަމުގައި ބަޔާންކޮށްފައިވެއެވެ. އަދި އޮޑިޓުން ފާހަގަކުރެވުނު ކަންކަމަށް ބަލައި އަޙްމަދު ޖިޙާދު ޢަބްދުﷲ ގެ ޖީ.އެސް.ޓީ. ބަޔާންތައް އިސްލާހުކޮށް ފޮނުވާފައިވެއެވެ.
މީގެ އިތުރުން، އޮޑިޓް ރިޕޯޓުގައި ބަޔާންކޮށްފައިވާ މައްސަލަތައް، އެ ރިޕޯޓުގައިވާ އިރުޝާދާ އެއްގޮތަށް އިސްލާހުކޮށް، އޭގެ ތަފްސީލުތައް، އެ ލިޔުމުގެ ތާރީޚުން ފެށިގެން 15 (ފަނަރަ) ދުވަހުގެ ތެރޭގައި މީރާއަށް ލިޔުމުން އެންގުމަށާއި، ނިންމުމާމެދު އިޢުތިރާޒުކުރާނަމަ، ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 42 ވަނަ މާއްދާގެ ދަށުން، އެ ލިޔުމުގެ ތާރީޚުން ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި، ކަމާބެހޭ އެންމެހާ ލިޔެކިޔުންތަކާއެކު MIRA903 ފޯމުން ހުށަހެޅުމަށް އަންގާފައިވެއެވެ.
މި ލިޔުމުގައި އޮތް ތާރީޚަކީ 01 މާރޗް 2015 އެވެ. އަދި ލިޔުން ރައްދުކުރިކަން ސާބިތުކުރުމުގެ ގޮތުން ދަށުކޯޓަށް ހުށަހަޅާފައިވާ ލިޔެކިޔުމަށް ބެލުމުން، ލިޔުން ރައްދުކޮށްފައިވަނީ 3 މާރޗް 2015 ގައިކަން އެނގެން އޮވެއެވެ.
މީރާގެ ނަންބަރު 1017806/NOTA-GST/IBAS/2015/03 "ދައްކަންޖެހޭ ޓެކުހުގެ މިންވަރު އަންގާ އެންގުން" (1 މާރޗް 2015) –
ލިޔުން ހަވާލުކުރާ ފޮތުގައި ހަވާލުކުރި ލިޔުމުގެ ނަމެއް ޖަހާފައި ނުވާއިރު، މި ލިޔުން ހަވާލުކުރަންޖެހޭ މީހާގެ ނަމާއި ދިމާލުގައި "ރިވައިޒްޑް އޭ އާރް" މިފަދައިން ލިޔެފައި އޮތް ނަމަވެސް، ހަވާލުކުރި ލިޔުމުގެ ގޮތުގައި (ލިޔުން ހަވާލުކުރާ ފޮތުގައި) އޮތް ނަންބަރަކީ މި ރައުޔުގެ 13.2 ގައި ތަފްސީލުކޮށްފައިވާ ލިޔުމުގެ ނަންބަރެވެ. އެހެންކަމުން، "ދައްކަންޖެހޭ ޓެކުހުގެ މިންވަރު އަންގާ އެންގުން (އިސްލާހުކޮށްފައި)" ގެ ގޮތުގައި މީރާއިން ލިޔުމެއް ތައްޔާރުކޮށްފައިވާކަން އެނގެން އޮތް ނަމަވެސް، 8 މާރޗް 2015 ގައި އަޙްމަދު ޖިޙާދު ޢަބްދުﷲ އަށް މީރާއިން ރައްދުކޮށްފައިވަނީ އެ އިސްލާހުކުރި ލިޔުން ކަމާމެދު ސުވާލު އުފެދެއެވެ.
ދެން، އަޙްމަދު ޖިޙާދު ޢަބްދުﷲ ގެ ފަރާތުން މީރާއަށް ހުށަހެޅި ކަމަށް ބުނާ ސިޓީއަށް ބަލާއިރު، އެ ސިޓީއަކީ ކޮމެންޓް ކުރުމަށް ފޮނުވި އޮޑިޓް ރިޕޯޓުތަކުގައިވާ ވިޔަފާރިތައް ނުކުރާކަމަށް ބުނެ ފޮނުވާފައިވާ ސިޓީއެއް ކަމުގައި އަޙްމަދު ޖިޙާދު ޢަބްދުﷲ ބުނެއެވެ. އެ ސިޓީގެ ކޮޕީއެއް ދަށުކޯޓަށް އަދި ހައިކޯޓަށްވެސް ހުށަހަޅާފައިވާކަން އެނގެން ނެތް ނަމަވެސް، ހައިކޯޓުގެ ޝަރީޢަތް ނިންމި ގޮތުގެ ރިޕޯޓުގައި، އެ ސިޓީ މީރާއަށް ލިބުނު ކަމަށް މީރާއިންވެސް އެއްބަސްވާކަން އެނގެން އޮވެއެވެ. އަދި މީރާގެ ބަހުން އެއީ 20 ޖެނުއަރީ 2015 ގެ ތާރީޚުގެ ސިޓީ އެއްކަން އެނގެއެވެ.
އަޙްމަދު ޖިޙާދު ޢަބްދުﷲ ގެ ފަރާތުން މިކަމާ ގުޅޭގޮތުން ސިވިލް ކޯޓަށް ހުށަހަޅާފައިވާ ހަމައެކަނި ލިޔުމެއްގެ ގޮތުގައި ފެންނާން އޮތީ، އަޙްމަދު ޖިޙާދު ޢަބްދުﷲ ގެ ފަރާތުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ކިބައިން މަޢުލޫމާތު ސާފުކުރުމަށް އެދުމުން، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްއިން އަޙްމަދު ޖިޙާދު ޢަބްދުﷲ އާ ކޮށްފައިވާކަމަށް އަޙްމަދު ޖިޙާދު ޢަބްދުﷲ ބުނާ އީމެއިލް މުޢާމަލާތެކެވެ. ބުނެވުނު އީމެއިލްގައި، އަޙްމަދު ޖިޙާދު ޢަބްދުﷲ ގެ ނަމުގައި ހިންގި "ޖޭ.ކޭ. ކެންޓީން" ހިންގުމަށް ދީފައިވާ ހުއްދަ 20 ސެޕްޓެމްބަރ 2010 ގައި އަދި "ކެފޭ އަރޯރީ" ހިންގުމަށް ދީފައިވާ ހުއްދަ 15 އޭޕްރީލް 2010 ގައި ކެންސަލްކޮށްފައިވާ ކަމުގައި ބަޔާންކޮށްފައިވެއެވެ. އަދި ހަމަ އެ އީމެއިލްގައި، "ބޯސް ކެފޭ" އަދި "ކެންޓީން (ވިލާ ކޮލެޖް)" ގެ ނަމުގައި ވިޔަފާރި ހުއްދަ ދޫކުރެވިފައިވާކަން ރެކޯޑުތަކުން ނުދައްކާ ކަމުގައިވެސް ބަޔާންކޮށްފައިވެއެވެ. އެހެންނަމަވެސް، ބުނެވުނު އީމެއިލް އަޙްމަދު ޖިޙާދު ޢަބްދުﷲ ގެ ފަރާތުން މީރާއަށް ހުށަހެޅިކަން ދަލާލަތުކޮށްދޭ އެއްވެސް ލިޔެކިޔުމެއް ޝަރީޢަތަށް ހުށަހަޅާފައިވާކަން އެނގެން ނެތްކަންވެސް ފާހަގަވެއެވެ.
އިސްވެ ބަޔާންކުރި ކަންކަން އެހެން ހުރުމުން، މީރާއިން މި ޚުޞޫމާތާ ގުޅިގެން ޝަރީޢަތަށް ހުށަހަޅާފައިވާ ލިޔެކިޔުމުގެ ތެރެއިން، މީރާއިން އަޙްމަދު ޖިޙާދު ޢަބްދުﷲ އަށް ރައްދުކޮށްފައިވާ ކަމަށް ކަށަވަރުވާން އޮތީ (މި ރައުޔުގެ 13.1 ގައި ފާހަގަކޮށްފައިވާ) "ޖީ.އެސް.ޓީ. އޮޑިޓާގުޅޭ (ސިޓީ)" އާއި (މި ރައުޔުގެ 13.2 ގައި ފާހަގަކޮށްފައިވާ) "ދައްކަންޖެހޭ ޓެކުހުގެ މިންވަރު އަންގާ އެންގުން" އެކަނި ކަމުގައި އަހުރެންނަށް ބުރަވެވެއެވެ. އަދި މި ލިޔުންތައް ރައްދުކޮށްފައިވާ ތާރީޚްތަކަށް ބެލުމުން، އޮޑިޓް ރިޕޯޓުތަކުގައިވާ ވިޔަފާރިތައް ނުކުރާކަމަށް ބުނެ އަޙްމަދު ޖިޙާދު ޢަބްދުﷲ ފޮނުވާފައިވާ ކަމަށް ބުނާ ސިޓީ އަކީ "ޖީ.އެސް.ޓީ. އޮޑިޓާގުޅޭ (ސިޓީ)" އަޙްމަދު ޖިޙާދު ޢަބްދުﷲ އަށް ލިބުނު ފަހުން، އަދި "ދައްކަންޖެހޭ ޓެކުހުގެ މިންވަރު އަންގާ އެންގުން" އަޙްމަދު ޖިޙާދު ޢަބްދުﷲ އަށް ލިބުމުގެ ކުރިން ފޮނުވާފައިވާ ސިޓީއެއްކަމުގައި ބުރަވެވެއެވެ.
"ޖީ.އެސް.ޓީ. އޮޑިޓާގުޅޭ (ސިޓީ)" އާއެކު ހިމަނާފައިވާ ކަމަށް ބުނާ އޮޑިޓް ރިޕޯޓު އެ ސިޓީއާއެކު ހުށަހަޅާފައި ނުވާތީ، އެ އޮޑިޓް ރިޕޯޓުގެ ދެލިކޮޕީގައި އަޙްމަދު ޖިޙާދު ޢަބްދުﷲ ދައްކަންޖެހޭ ކަމަށް ކަނޑައަޅާފައިވާ ޓެކުހުގެ ޢަދަދަކީ ކޮބައިކަން އެނގޭކަށް ނެތެވެ. އެހެންކަމުން އެ އޮޑިޓް ރިޕޯޓުގެ ދެލިކޮޕީގައި ދައްކަންޖެހޭ ކަމަށް ކަނޑައަޅާފައިވާ އަދަދާއި "ދައްކަންޖެހޭ ޓެކުހުގެ މިންވަރު އަންގާ އެންގުން" ގައި ދައްކަންޖެހޭ ކަމަށް ބަޔާންކޮށްފައިވާ ޓެކުހުގެ ޢަދަދާއި އެއްވެސް ފަރަޤެއް ހުރިކަން އެނގޭކަށް ނެތެވެ. އަދި ދަށުކޯޓުގަ އާއި ހައިކޯޓުގައި މީރާގެ ފަރާތުން އެފަދައިން ބުނެފައިވުމުގެ އިތުރުން، ޓެކުހުގެ ގޮތުގައި ދައްކަންޖެހޭ އަދަދުތަކާމެދު އެއްވެސް މަޝްވަރާއެއް ކުރެވިފައިވާކަން ނުވަތަ މުޢާމަލާތެއް ކޮށްފައިވާކަން އެނގެން ނެތުމުން، އަޙްމަދު ޖިޙާދު ޢަބްދުﷲ ގެ ފަރާތުން މީރާއަށް ހުށަހެޅިކަމަށް ބުނާ ސިޓީއަށް ރިޢާޔަތްކޮށް، އޮޑިޓް ރިޕޯޓަށް މީރާއިން އެއްވެސް އުނިއިތުރެއް ގެނެސްފައިވާކަން ނުވަތަ އެ ސިޓީއަށް މީރާއިން ޖަވާބުދީފައިވާކަން އެނގެން ނެތެވެ.
މީރާއިން އޮޑިޓް ރިޕޯޓު އަޙްމަދު ޖިޙާދު ޢަބްދުﷲ އަށް ފޮނުވިކަމުގެ އެއްވެސް ހެއްކެއް ޝަރީޢަތަށް ހުށަހެޅިތަ؟މި ރައުޔުގައި މީގެ ކުރިން ފާހަގަކޮށްފައިވާ ފަދައިން، މައްސަލައާ ގުޅިގެން ދަށުކޯޓަށާއި ހައިކޯޓަށް ހުށަހަޅާފައިވާ ލިޔެކިޔުމުގެ ތެރޭގައި އޮޑިޓް ރިޕޯޓު ހިމަނާފައި ނުވިނަމަވެސް، މީރާގެ ނަންބަރު220-GSTA/PRIV/2014/5334 "ޖީ.އެސް.ޓީ. އޮޑިޓާގުޅޭ (ސިޓީ)" (23 ނޮވެމްބަރ 2014) އާއި މީރާގެ ނަންބަރު 1017806/NOTA-GST/IBAS/2015/03 "ދައްކަންޖެހޭ ޓެކުހުގެ މިންވަރު އަންގާ އެންގުން" (1 މާރޗް 2015) އަކީ މީރާގެ ފަރާތުން އަޙްމަދު ޖިޙާދު ޢަބްދުﷲ އަށް ރައްދުކޮށްފައިވާ ލިޔުންކަން އެނގެން އޮވެއެވެ.
ބުނެވުނު ދެ ލިޔުމުގައިވެސް، އެއިން ކޮންމެ ލިޔުމަކާއެކު އޮޑިޓް ރިޕޯޓު ހިމަނާފައިވާ ކަމަށް ބުނެފައިވާ ނަމަވެސް، ލިޔެކިޔުންތައް ކޯޓަށް ހުށަހެޅިއިރު، އެ ލިޔެކިޔުންތަކާއެކީ އޮޑިޓް ރިޕޯޓު ހިމަނާފައި ނެތެވެ. އެހެންނަމަވެސް، އެ ލިޔެކިޔުންތަކާއެކު އަޙްމަދު ޖިޙާދު ޢަބްދުﷲ އަށް އޮޑިޓް ރިޕޯޓު ރައްދުކޮށްފައިވާ ކަމުގައި ބަލަންޖެހޭ ކަމުގައި އަހުރެން ދެކެމެވެ.
އޮޑިޓް ރިޕޯޓު ލިބިފައިނުވާތީ ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 44 ވަނަ މާއްދާގައި ބަޔާންކުރާ މުއްދަތުގައި އެ ރިޕޯޓު އިސްތިއުނާފު ކުރުމުގެ ފުރުސަތު އަޙްމަދު ޖިޙާދު ޢަބްދުﷲ އަށް ގެއްލިފައިވޭތަ؟(މި ރައުޔުގެ 19 ވަނަ ޕްރެގްރާފްގައި ފާހަގަކޮށްފައިވާ ފަދައިން) "ޖީ.އެސް.ޓީ. އޮޑިޓާގުޅޭ (ސިޓީ)" (23 ނޮވެމްބަރ 2014) އާއެކު އޮޑިޓް ރިޕޯޓުގެ ދެލިކޮޕީ، އަދި "ދައްކަންޖެހޭ ޓެކުހުގެ މިންވަރު އަންގާ އެންގުން" (1 މާރޗް 2015) އާއެކު އޮޑިޓް ރިޕޯޓު އަޙްމަދު ޖިޙާދު ޢަބްދުﷲ އަށް ލިބިފައިވާ ކަމަށް އަހުރެން ދެކޭހިނދު، "ޖީ.އެސް.ޓީ. އޮޑިޓާގުޅޭ (ސިޓީ)" އަޙްމަދު ޖިޙާދު ޢަބްދުﷲ އަށް ރައްދުކޮށްފައިވަނީ، އެ ސިޓީގައި އަޙްމަދު ޖިޙާދު ޢަބްދުﷲ ގެ ކޮމެންޓް ހުށަހެޅުމަށް ދީފައިވާ މުއްދަތު 30 ނޮވެމްބަރ 2014 ގައި ހަމަވިފަހުން، 12 ޖެނުއަރީ 2015 ގައި ކަމަށްވާތީ، އޮޑިޓް ރިޕޯޓުގެ ދެލިކޮޕީއާ ގުޅިގެން އަޙްމަދު ޖިޙާދު ޢަބްދުﷲ ގެ ފަރާތުން ފާހަގަކުރަން ކަމެއް އޮތްނަމަ، އެ ފުރުސަތު ގެއްލިފައިވާ ކަމުގައި ދެކެމެވެ.
އަދި 3 މާރޗް 2015 ގައި އަޙްމަދު ޖިޙާދު ޢަބްދުﷲ އަށް ރައްދުކުރެވުނު "ދައްކަންޖެހޭ ޓެކުހުގެ މިންވަރު އަންގާ އެންގުން" ގައި، އެ ނިންމުމާމެދު އިޢުތިރާޒު ކުރާނަމަ، ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 42 ވަނަ މާއްދާގެ ދަށުން، އެ ލިޔުމުގެ ތާރީޚް ކަމުގައިވާ 1 މާރޗް 2015 އިން ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި، ކަމާބެހޭ އެންމެހާ ލިޔެކިޔުމާއެކު MIRA903 ފޯމުން ހުށަހެޅުމަށް އަންގާފައިވާތީ، އަޙްމަދު ޖިޙާދު ޢަބްދުﷲ ގެ ފަރާތުން އެއްވެސް ކަމެއް ފާހަގަކުރަން އޮތްނަމަ، އެ ފުރުސަތު އޭނާއަށް ލިބި އޮތް ކަމުގައި ދެކެމެވެ.
އެހެންނަމަވެސް، އަޙްމަދު ޖިޙާދު ޢަބްދުﷲ ދައްކަންޖެހޭ ޓެކުހުގެ އަދަދު ކަނޑައެޅި ލިޔުމެއްގެ ގޮތުގައި ފާހަގަކޮށްފައިވަނީ މީރާގެ ނަންބަރު 1017806/NOTA-GST/IBAS/2015/04 "ދައްކަންޖެހޭ ޓެކުހުގެ މިންވަރު އަންގާ އެންގުން" (5 މާރޗް 2015) ކަމުގައިވެފައި، އެ ލިޔުން އޭނާއަށް ރައްދުކޮށްފައިވާކަން ލިޔެކިޔުމުން އެނގެން ނެތުމުން، ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 42 ވަނަ މާއްދާގެ ދަށުން އިއުތިރާޟު ހުށަހެޅުމުގެ، އަދި އެ ޤާނޫނުގެ 44 ވަނަ މާއްދާގެ ދަށުން ޓެކްސް އެޕީލް ޓްރައިބިއުނަލް އަށް މައްސަލަ ހުށަހެޅުމުގެ ފުރުޞަތު އޮތްކަމުގައި ކަނޑައެޅުމަށް އަހުރެންނަށް ދައްޗެވެ.
ދެވަނަ އިސްތިއުނާފީ ނުކުތާއަޙްމަދު ޖިޙާދު ޢަބްދުﷲ އަށް ޓެކްސް އެޕީލް ޓްރައިބިއުނަލް އަށް މައްސަލަ ހުށަހެޅުމުގެ ފުރުސަތު ގެއްލިފައިވަނީ އޭނާއަށް އޮޑިޓް ރިޕޯޓު ރައްދުކޮށްފައި ނުވާތީ ކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ޤަޟިއްޔާގައި ނިންމާފައިވަނީ ހެއްކާބެހޭ ޤާނޫނުގެ 6 ވަނަ މާއްދާއާ ޚިލާފަށް ކަމަށް ބުނެ މީރާއިން ހުށަހަޅާފައިވާ ދެވަނަ އިސްތިއުނާފީ ނުކުތާ ތަފްސީލު ކުރަމުން، މީރާއިން އޮޑިޓް ރިޕޯޓް އަޙްމަދު ޖިޙާދު ޢަބްދުﷲ އާ ހަވާލުކުރެވުނު ކަން ސާބިތުކުރުމުގެ ގޮތުން ކިތާބީ ހެކި ސިވިލް ކޯޓު މަރުހަލާގައި ހުށަހަޅާފައިވަނިކޮށް، ރިޕޯޓު ލިބިފައިނުވާ ކަމަށް އަޙްމަދު ޖިޙާދު ޢަބްދުﷲ ގެ ފަރާތުން ޝަރީޢަތުގެ މަޖިލީހުގައި ބުނި ބުނުމަށް ބަލައި، ކިތާބީ ހެކި އޮވެމެ ޝަފަހީ ހެއްކަށް ބިނާކޮށް މައްސަލަ ނިންމާފައިވަނީ އެ ޝަފަހީ ހެއްކަށް އެކަށީގެންނުވާ ބުރަދަނެއް ދީގެން ކަމުގައެވެ. އަދި މިއީ ފަނޑިޔާރު ހެކި ވަޒަންކުރުމުގައި ހެދިފައިވާ ގޯހެއް ކަމުގައެވެ.
މި ނުކުތާއާ ގުޅިގެން ހެއްކާބެހޭ ޤާނޫނުގެ 6 ވަނަ މާއްދާގެ އިބާރާތަށާއި، އިބްރާހިމް ޝިޔާރު ވ. ޢަބްދުﷲ ވަޙީދު ޤަޟިއްޔާގައި، ކިތާބީ ހެއްކާއި ޝަފަހީ ހެކީގެ ތެރެއިން، ޝަފަހީ ހެއްކަކީ ކިތާބީ ހެއްކަށްވުރެ ސާބިތުވުމުގެ ބާރު ބަލިކަށި ވަސީލަތެއްކަމުގައި ފާހަގަކޮށްފައި އޮތް އޮތުމަށާއި، ކަމާގުޅޭ މެލޭޝިޔާގެ ޤަޟިއްޔާއަކަށް މީރާއިން ހަވާލާދީފައިވެއެވެ.
މި އިސްތިއުނާފީ ނުކުތާއަށް ރައްދު ދެމުން، ފައިނަލް އޮޑިޓް ރިޕޯޓު ރައްދުކުރެވުނު ކަމުގެ ލިޔުން ދަށު ކޯޓަށް ހުށަހެޅި ކަމުގައި މީރާއިން ބުނިނަމަވެސް އެފަދަ ލިޔުމެއް ސިވިލް ކޯޓަށް އަދި ހައިކޯޓަށްވެސް އެފަރާތުން ހުށަހަޅާފައި ނުވާތީ، ހެއްކާބެހޭ ޤާނޫނޫގައި ބަޔާންކުރާ ގޮތުގެ މަތިން ކިތާބީ މުސްތަނަދެއް ސާބިތުކުރުމުގެ ގޮތުން ދީފައި އޮންނަ ބަރުދަން ހައިކޯޓުން ނުދޭ ކަމަށް ބުނެ މީރާއިން ދައްކާފައިވާ ވާހަކަތަކަށް އިޖާބަ ދިނުމުގެ ބޭނުމެއް ނެތް ކަމުގައި އަޙްމަދު ޖިޙާދު ޢަބްދުﷲ ބުނެފައިވެއެވެ.
މި ރައުޔުގައި އިސްވެ (12.2، 12.3، 13.2 އަދި 13.3 ޕެރެގްރާފްގައި) ފާހަގަކޮށްފައިވާ ފަދައިން، މީރާއިން އަޙްމަދު ޖިޙާދު ޢަބްދުﷲ ގެ ފަރާތުން ކުރި ވިޔަފާރިތަކާ ގުޅޭގޮތުން ތައްޔާރުކޮށްފައިވާ ލިޔުންތަކުގެ ތެރޭގައި މީރާގެ ނަންބަރު 1017806/NOTA-GST/IBAS/2015/03 "ދައްކަންޖެހޭ ޓެކުހުގެ މިންވަރު އަންގާ އެންގުން" (1 މާރޗް 2015) ހިމެނޭތީ، އޮޑިޓް ރިޕޯޓު އަޙްމަދު ޖިޙާދު ޢަބްދުﷲ އަށް ރައްދުވެފައިވާ ކަމަށް ބެލިނަމަވެސް، އަޙްމަދު ޖިޙާދު ޢަބްދުﷲ ދައްކަންޖެހޭ ޓެކުހުގެ އަދަދު ކަނޑައެޅި ލިޔުމެއްގެ ގޮތުގައި ސިވިލް ކޯޓުގައި މީރާއިން ފާހަގަކޮށްފައިވާ ލިޔުމަކީ މީރާގެ ނަންބަރު 1017806/NOTA-GST/IBAS/2015/04 "ދައްކަންޖެހޭ ޓެކުހުގެ މިންވަރު އަންގާ އެންގުން" (5 މާރޗް 2015) ކަމުގައިވާތީ، އެ ލިޔުން އަޙްމަދު ޖިޙާދު ޢަބްދުﷲ އަށް ރައްދުކޮށްފައިވާކަން ލިޔެކިޔުމުން އެނގެން ނެތްކަން ފާހަގަކުރަމެވެ.
ތިންވަނަ އަދި ހަތަރުވަނަ އިސްތިއުނާފީ ނުކުތާމީރާއިން ހައިކޯޓުގެ ނިންމުން އިސްތިއުނާފު ކުރި ސަބަބުތަކުގެ ތެރޭގައި، ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 67 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ނިންމާ ނިންމުމެއް ކަމަށް ބެލެވޭ އެއްވެސް ލިޔުމެއް ހުށަހަޅާފައި ނުވާކަމަށް ހައިކޯޓުން ބަޔާންކޮށް އެކަމުގެ މައްޗަށް ނިންމުން ނިންމާފައިވަނީ، އެ މާއްދާގައި ބަޔާންކުރާފަދަ ލިޔުމެއް ވުޖޫދުވެ އޮތް ޙާލަތުގައި، އެ ލިޔުމަށް ރިޢާޔަތްކުރުމެއް ނެތި ކަމަށް ބުނެއެވެ. އަދި ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 67 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ މަދަނީ އަދަބު ކަނޑައަޅައި ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ނިންމާ ނިންމުމެއް ނެތްކަމަށް ބަލައި، އެ ދަޢުވާގައި ހޯދުމަށް އެދިފައިވާ ޓެކުހުގެ ޢަދަދު ނުހޯދޭނެ ފަދައަކުން ހައިކޯޓުން މައްސަލަ ނިންމާފައިވަނީ އެ މާއްދާގެ މަފްޙޫމް ޚިލާފަށް ކަމަށްވެސް މީރާއިން ބުނެއެވެ.
މި ނުކުތާ ތަފްޞީލު ކުރަމުން މީރާގެ ފަރާތުން ބުނެފައިވަނީ، މި މައްސަލަ މީރާގެ ފަރާތުން ކޯޓަށް ހުށަހަޅާފައިވަނީ އެއްވެސް ޓެކުހެއް، ޖޫރިމަނާއެއް ނުވަތަ އެހެންވެސް ޢަދަދެއް ނުދައްކާ އޮވެއްޖެނަމަ، އެ ފައިސާ ހޯދުމަށް މަދަނީ ދައުވާ ކުރެވޭނެ ކަމުގައި ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 49 ވަނަ މާއްދާގައި ބަޔާންވެގެންވާތީ ކަމުގައެވެ. އަދި އެގޮތުން މީރާއިން އެދިފައިވާނީ ހަމައެކަނި ކުށާ އަދަބުގެ ތެރޭގައި ހިމެނޭ ފައިސާ ހޯދުމަށް ނޫންކަމުގައާއި، ހޯދުމަށް އެދިފައިވާ ފައިސާގެ ތެރޭގައި ދައްކަންޖެހޭ ޓެކުހުގެ މިންވަރުވެސް ހިމެނޭ ކަމުގައެވެ. ހަމަ މިއާއެކު، ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 67 ވަނަ މާއްދާގެ (ހ) ގައި މަދަނީ އަދަބު ކަނޑައަޅަންޖެހެނީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ނިންމާ ނިންމުމަކުން ކަމުގައި ބަޔާންކޮށްފައިވާ ނަމަވެސް، އެ ފަދަ ނިންމުމެއް އޮންނަންޖެހޭ ވަކި ޚާއްސަ ގޮތެއް ބަޔާންކޮށްފައި ނުވާކަމުގައި މީރާއިން ބުނެއެވެ. އަދި ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 49 ވަނަ މާއްދާގެ (ނ) ގައި "...ޓެކްސް ދައްކަންޖެހި ނުދައްކާ އޮތް ފަރާތުގެ ނަމާއި އެޑްރެސް އަދި ދައްކަންޖެހޭ ޢަދަދުގެ ތަފްޞީލު ހިމެނޭ، ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ސޮއިކޮށްފައިވާ ލިޔުމަކީ، ޓެކުހުގެ ގޮތުގައި އެފަރާތަކުން ދައްކަންޖެހޭ ޢަދަދު ސާބިތުކުރުމަށް އޮތް ހެއްކެއް ކަމުގަ އާއި، ކޯޓުން ނިޔާ ކަނޑައެޅުމަށް ލިބޭ އެކަށީގެންވާ ބާރެއް ކަމުގައި ފުދޭނެ..." ކަމުގައި ބަޔާންކޮށްފައި އޮވެފައި، ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 49 ވަނަ މާއްދާގައި "އަދަދު" އެވެ ބުނެފައިވާ ކޮންމެ ތަނެއްގައި ހަވާލާދެނީ ޓެކުހާއި ޖޫރިމަނާ ފައިސާ ހިމެނޭ ގޮތުން ކަމުގައިވާތީ، އެ އަދަދު ސާބިތުކުރުމަށް ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 49 ވަނަ މާއްދާގެ (ހ) ގެ ދަށުން ހުށަހަޅާ ލިޔުން ފުދޭނެ ކަމުގައި، އަދި އެ ލިޔުމަށް ހައިކޯޓުން ރިޢާޔަތްކޮށްފައި ނުވަނީ އެ މާއްދާގެ މަފްހޫމާ ފުށުއަރާގޮތަށް ކަމުގައިވެސް މީރާއިން ފާހަގަކުރެވެއެވެ.
މި ނުކުތާތަކާ ގުޅިގެން އަޙްމަދު ޖިޙާދު ޢަބްދުﷲ ބުނެފައިވަނީ ޓެކްސް ނެގުމާ ބެހޭ އިދާރީ ޤާނޫނުގެ 67 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ ފަދަ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ނިންމާ ނިންމުމެއް ނެތް ކަމަށް ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި މީރާގެ ފަރާތުން ބުނެފައިވާ ކަމާއި، އޮޑިޓް ރިޕޯޓާއި، ދަޢުވާ ފޯމާއި، ދައުލަތަށް ފައިސާ ނުދައްކާ ފަރާތްތަކުގެ މަޢުލޫމާތު ފޯމް ފަދަ ލިޔުންތަކަކީ އެފަދަ ލިޔުމެއް ކަމުގައި ނުވާތީ، އެފަދަ ލިޔުމެއް ނެތް ކަމަށް ހައިކޯޓުން ކަނޑައެޅި ކަނޑައެޅުން ގޯސް ކުރާނޭ ޤާނޫނީ ހަމައެއް ނެތްކަމަށެވެ.
މީރާގެ ފަރާތުން ސިވިލް ކޯޓަށް ހުށަހަޅާފައިވާ ލިޔުންތަކުގެ ތެރެއިން އަޙްމަދު ޖިޙާދު ޢަބްދުﷲ އަށް ރައްދުވެފައިވަނީ ދެ ލިޔުމެއް ކަމުގައި އަހުރެންނަށް ބުރަވެވޭ ކަމުގައި، މި ރައުޔުގައި (ޕެރެގްރާފް 13.3 ގައި) ފާހަގަކޮށްފައިވާނެއެވެ. މި ގޮތުން، މި ދެ ލިޔުމަށް ބަލާއިރު، މީރާގެ ނަންބަރު220-GSTA/PRIV/2014/5334 "ޖީ.އެސް.ޓީ. އޮޑިޓާގުޅޭ (ސިޓީ)" (23 ނޮވެމްބަރ 2014) އަކީ 02 އޮކްޓޯބަރ 2011 އިން ފެށިގެން 30 ޖޫން 2014 އަށް މީރާގެ ފަރާތުން އަޙްމަދު ޖިޙާދު ޢަބްދުﷲ ގެ ނަމުގައިވާ ޓެކްސް ނެގޭ ހަރަކާތްތަކުގެ ޖީ.އެސް.ޓީ. އޮޑިޓާގުޅޭ ޖީ.އެސް.ޓީ. އޮޑިޓް ރިޕޯޓުގެ ދެލިކޮޕީ އަޙްމަދު ޖިޙާދު ޢަބްދުﷲ އަށް ރައްދުކުރުމުގެ ގޮތުން ފޮނުވާފައިވާ ސިޓީއެކެވެ. އަދި މީރާގެ ނަންބަރު 1017806/NOTA-GST/IBAS/2015/03 "ދައްކަންޖެހޭ ޓެކުހުގެ މިންވަރު އަންގާ އެންގުން" (1 މާރޗް 2015) އަކީ ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 30 ވަނަ މާއްދާގެ ދަށުން 02 އޮކްޓޯބަރ 2011 އިން ފެށިގެން 30 ޖޫން 2014 އަށް މީރާގެ ފަރާތުން އަޙްމަދު ޖިޙާދު ޢަބްދުﷲ ގެ ޖީ.އެސް.ޓީ. އާގުޅޭ ހިސާބުތައް އޮޑިޓް ކުރުމުގައި ފާހަގަކުރެވުނު ކަންކަމަށް ރިޢާޔަތްކޮށް، ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 39 ވަނަ މާއްދާގެ (ހ) ގެ ދަށުން އަޙްމަދު ޖިޙާދު ޢަބްދުﷲ ދައްކަންޖެހޭ ޓެކުހުގެ އަދަދު ކަނޑައަޅާ، ފޮނުވާފައިވާ ލިޔުމެކެވެ. މި ދެ ލިޔުމުގައިވެސް ސޮއިކޮށްފައިވަނީ ޑިރެކްޓަރ ޖެނެރަލް، އޮޑިޓް އެންޑް އިންވެސްޓިގޭޝަން، ފަތުޙުﷲ ޖަމީލް ކަމުގައިވާތީ، މިއިން ލިޔުމަކީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ސޮއިކޮށްފައިވާ ލިޔުމެއް ނޫންކަން އެނގެއެވެ.
މީގެ އިތުރުން، ސިވިލް ކޯޓަށް މައްސަލަ ހުށަހެޅިއިރު، އަޙްމަދު ޖިޙާދު ޢަބްދުﷲ ދައްކަންޖެހޭ ޓެކުހުގެ އަދަދު ކަނޑައެޅި ލިޔުމެއްގެ ގޮތުގައި މީރާއިން ފާހަގަކޮށްފައިވަނީ މީރާގެ ނަންބަރު1017806/NOTA-GST/IBAS/2015/04 "ދައްކަންޖެހޭ ޓެކުހުގެ މިންވަރު އަންގާ އެންގުން" (5 މާރޗް 2015) އެވެ. ބަހުސްގެ ބޭނުމަށްޓަކައި އެއީ އަޙްމަދު ޖިޙާދު ޢަބްދުﷲ އަށް ރައްދުވެފައިވާ ލިޔުމެއް ކަމުގައި ބެލިނަމަވެސް، އެ ލިޔުމުގައިވެސް ސޮއިކޮށްފައިވަނީ ޑިރެކްޓަރ ޖެނެރަލް، އޮޑިޓް އެންޑް އިންވެސްޓިގޭޝަން، ފަތުޙުﷲ ޖަމީލް އެވެ. ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން އެއް ނޫނެވެ. އެހެންކަމުން، އެއީ ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 49 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާފަދަ، އެ މާއްދާގެ (ނ) ގައި ބުނާ ފަދައިން، އެ މައްޗަށް ބިނާކޮށް ކޯޓުން ނިޔާ ކަނޑައެޅުމަށް އެކަށީގެންވާ ލިޔުމެއް ކަމުގައި އަހުރެން ނުދެކެމެވެ. އަދި އެ ލިޔުމަކީ ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 67 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ ފަދަ މަދަނީ އަދަބު ކަނޑައަޅާ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ނިންމާފައިވާ ނިންމުމެއް ކަމަށް ބެލެވިދާނެ ލިޔުމެއް ކަމުގައިވެސް އަހުރެން ނުދެކެމެވެ.
ނިންމަން ފެންނަ ގޮތްދިވެހިރާއްޖޭގެ ހައިކޯޓުގެ ނިންމުން އިސްތިއުނާފު ކުރުމުގެ ގޮތުން މީރާއިން ހުށަހަޅާފައިވާ އިސްތިއުނާފީ ނުކުތާތަކާމެދު އިސްވެ ބަޔާންކޮށްފައިވާ ކަންކަމަށް ބަލާއިރު، އަޙްމަދު ޖިޙާދު ޢަބްދުﷲ ގެ ވިޔަފާރިތައް އޮޑިޓްކުރުމަށްފަހު މީރާއިން އަޙްމަދު ޖިޙާދު ޢަބްދުﷲ އަށް އޮޓިޑް ރިޕޯޓު ފޮނުވުމުން އެ ރިޕޯޓުގައި ބަޔާންކޮށްފައިވާ ވިޔަފާރިތައް ނުކުރާކަމަށް ބުނެ އަޙްމަދު ޖިޙާދު ޢަބްދުﷲ މީރާއަށް ފޮނުވި ސިޓީއަށް މީރާއިން ޖަވާބެއް ދީފައިވާކަން އެނގެން ނެތް ހިނދު، އަދި މީރާއިން އަޙްމަދު ޖިޙާދު ޢަބްދުﷲ އަށް އޮޑިޓް ރިޕޯޓެއް ފޮނުވިކަމުގެ ހެކި ޝަރީޢަތަށް ހުށަހަޅާފައިވާކަން އެނގެން އޮތް ހިނދު، އަޙްމަދު ޖިޙާދު ޢަބްދުﷲ ދައްކަންޖެހޭ ޓެކުހުގެ އަދަދު ކަނޑައެޅި ލިޔުމެއްގެ ގޮތުގައި ސިވިލް ކޯޓުގައި މީރާއިން ފާހަގަކޮށްފައިވާ ލިޔުމަކީ މީރާގެ ނަންބަރު 1017806/NOTA-GST/IBAS/2015/04 "ދައްކަންޖެހޭ ޓެކުހުގެ މިންވަރު އަންގާ އެންގުން" (5 މާރޗް 2015) ކަމުގައިވެފައި، އެ ލިޔުމާއެކު އޮޑިޓް ރިޕޯޓެއް ހިމަނާފައިވާކަން އެ ލިޔުމުގައި ބަޔާންކޮށްފައިވާ ނަމަވެސް، އަޙްމަދު ޖިޙާދު ޢަބްދުﷲ އަށް އެ ލިޔެކިޔުން ރައްދުކޮށްފައިވާ ކަން އެނގެން ނެތުމުން، އެ މައްޗަށް ބިނާކޮށް ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 42 ވަނަ މާއްދާގެ ދަށުން އިއުތިރާޟު ހުށަހަޅައި، އެ ޤާނޫނުގެ 44 ވަނަ މާއްދާގެ ދަށުން ޓެކްސް އެޕީލް ޓްރައިބިއުނަލް އަށް މައްސަލަ ހުށަހެޅުމުގެ ފުރުޞަތު އަޙްމަދު ޖިޙާދު ޢަބްދުﷲ އަށް ލިބި އޮތްކަމުގައި ކަނޑައެޅެން ނެތެވެ. އަދި ހަމަ އެއާއެކު، މީރާއިން ޝަރީޢަތަށް ހުށަހަޅާފައިވާ ލިޔުންތަކުގެ ތެރޭގައި ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 49 ވަނަ މާއްދާގެ (ނ) އަދި އެ ޤާނޫނުގެ 67 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާފަދަ ލިޔުމެއް ހުށަހަޅާފައިވާކަން އެނގެން ނެތެވެ.
އެހެންކަމުން، މީރާއިން ހުށާހަޅާފައިވާ އިސްތިއުނާފީ ނުކުތާތަކުގެ އަލީގައި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނިންމުން ބާޠިލުކުރާނެ ޤާނޫނީ ސަބަބެއް އޮތްކަމުގައި އަހުރެން ނުދެކެމެވެ.
ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ ރައުޔުމި މައްސަލައިގައި ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްގެ ރައުޔު މި މައްސަލައިގައި ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ޙުކުމް
ދެންފަހެ، އިސްވެ ބަޔާންވެދިޔަ ކަންކަން އެ ގޮތުގެ މަތިން ހުރުމުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2019/HC-A/43 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމަށް ބަދަލު ގެންނަންޖެހޭނެ ތަނެއް ނެތް ކަމުގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމްކޮށްފީމެވެ.
މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ:
އަޒްމިރާލްދާ ޒާހިރުޢާއިޝާ ޝުޖޫން މުޙައްމަދުމުޙައްމަދު އިބްރާހީމް(ރިޔާސަތު)
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.