ދިވެހިރާއްޖޭގެ މަތީ މަރުޙަލާގެ ކޯޓުތަކުން ކަނޑައަޅާފައިވާ ޤާނޫނީ އުޞޫލުތައް

Maldives Legal Precedents

Saeed Lex
[2021] SC 20 · 2021/SC-E/01ސުޕްރީމް ކޯޓު · 23 ފެބުރުއަރީ 2021

ޙަސަން މޫސާ ވ. އިލެކްޝަން ކޮމިޝަން

ސުޕްރީމް ކޯޓު
ފަހުގެ ޙުކުމެއްގައި ޙަވާލާދީފައެއް ނުފެނޭޙުކުމުގެ ހާލަތު
ސުޕްރީމް ކޯޓު · 23 ފެބުރުއަރީ 2021ބާވަތް: އިންތިޚާބީ

ޚުލާޞާ

ޚުލާޞާ ނެތް.

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
—
ފަހުގެ ތާރީޚު
—

ނިންމުން

—

ކޯ ޓާމްސް

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

މި ލިޔުމުން އުޞޫލެއް ނުނެގުނު.

ފަނޑިޔާރުން

ބެންޗު
—
ޚިލާފު ރައުޔު
ނެތް

ޝަރީޢަތުގެ ވީޑިއޯ

ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު

2021/SC-E/01

ޝަރީޢަތް ނިމުނުގޮތް

ޙަސަން މޫސާ ވ. އިލެކްޝަންސް ކޮމިޝަން

ފަނޑިޔާރުންގެ މަޖިލިސް

އުއްތަމަ ފަނޑިޔާރު އަޙްމަދު މުޢުތަޞިމް ޢަދުނާންފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުނިމުނު ތާރީޚު

23 ފެބްރުއަރީ 2021މައްސަލަ ރައްދުވާ ފަރާތް

މައްސަލަ ހުށަހެޅި ފަރާތް

އިލެކްޝަންސް ކޮމިޝަންޙަސަން މޫސާ، އުސްގެ، ތ. ކަނޑޫދޫބަދަލުގައި: އިސްމާޢީލް ޙަބީބު ޢަބްދުއްރަހީމް، ހ. ނީޓް، މާލެ

ޤާނޫނީ ވަކީލު: ޢަބްދުﷲ ސަޢީދު

ޤާނޫނީ ވަކީލު: ނޫރުއްސަލާމް އަބޫބަކުރު

އިންތިޚާބީ – އިންތިޚާބަށް ކުރިމަތިލުމުގެ ޝަރުޠާގުޅޭ- ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު - ސާބިތު ދަރަނި- އިދާރީ ގޮތުން އަރާއޮޅުން – 48 ގަޑިއިރުގެ ފަހުން ޝަރުތު ފުރިހަނަ ނުވާކަމަށް ކަނޑައެޅުން - ޤާނޫނު ނަންބަރު 2008/11 (އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނު) ގެ 01 ވަނަ މާއްދާ އާއި 21 ވަނަ މާއްދާގެ (ހ) އަދި (ރ) - ޤާނޫނު ނަންބަރު 2010/10 (ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނު) ގެ 17 ވަނަ މާއްދާ

ޙަސަން މޫސާ ވ. އިލެކްޝަންސް ކޮމިޝަން[2021] SC 20

އުއްތަމަ ފަނޑިޔާރު އަޙްމަދު މުޢުތަޞިމް ޢަދުނާންގެ ރައުޔު (ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު އަދި ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދު ތާއީދު ކުރައްވާފައި)

ތަޢާރުފު

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނު ގެ ދަށުން، 2020 އެޕްރީލް 04 ވީ ހޮނިހިރު ދުވަހު، ބޭއްވުމަށް އެއިރު ހަމަޖެހިފައިއޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ކެންޑިޑޭޓެއްގެ ގޮތުގައި ވާދަކުރުމަށް، ތ. ކަނޑޫދޫ، އުސްގެ، ޙަސަން މޫސާ (މީގެ ފަހުން "ޙަސަން މޫސާ") އިލެކްޝަންސް ކޮމިޝަނަށް ފޯމް ހުށަހެޅިއެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނު ގެ 9 ވަނަ މާއްދާގެ (ހ) ގެ ދަށުން، 2020 އެޕްރީލް 4 ވީ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިއޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް ކުރިމަތިލުމަށް ހުށަހެޅި ނަންބަރު LCE/B/PPM/2020/0297 ފޯމުގައިވާ މަޢުލޫމާތާއި ތަކެތި ބަލައި ޗެކްކުރިއިރު، ޤާނޫނުގައިވާ ގޮތުގެ މަތިން، ޙަސަން މޫސާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް ޝަރުޠު ހަމަވާކަމަށް ބަލައި ހުށަހެޅި ހުށަހެޅުން، އިލެކްޝަންސް ކޮމިޝަނުން ޤަބޫލުކުރިކަން އިލެކްޝަންސް ކޮމިޝަނުން ޙަސަން މޫސާއަށް 22 ފެބުރުވަރީ 2020 ގައި އަންގާފައިވެއެވެ.

2020 އެޕްރީލް 04 ވީ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިއޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ތ. އަތޮޅުގެ އިންތިޚާބީ ދާއިރާތަކަށް ވާދަކުރާ ކެންޑިޑޭޓުންގެ ނަންތައް ތަރުތީބު ކުރުމަށްފަހު، އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނު ގެ 14 ވަނަ މާއްދާ އާއި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނު ގެ 16 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ކެންޑިޑޭޓުންގެ ނަންތައް ޢާންމުކޮށް އިލެކްޝަންސް ކޮމިޝަނުން ކުރި، ނަންބަރު (A)CA-2020/196 އިޢުލާނުގައި ތ. ކަނޑޫދޫ ކައުންސިލްގެ ރައީސްކަމަށް ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސްގެ ފަރާތުން ވާދަކުރާ ކެންޑިޑޭޓްގެ ގޮތުގައި ތ. ކަނޑޫދޫ، އުސްގެ، ޙަސަން މޫސާގެ ނަން ހިމަނާފައިވެއެވެ.

04 އެޕްރީލް 2020 ގައި އެއިރު ބޭއްވުމަށް ހަމަޖެއްސި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް ކުރިމަތިލާ މީހުންގެ ކުށާއި، ދަރަނީގެ ރިކޯޑު ސާފުކުރުމަށް އެދި، ޙަސަން މޫސާ ހުށަހެޅުމުން ޙަސަން މޫސާގެ ކުށާއި ދަރަނީގެ ރެކޯޑެއް އޮތްތޯ ބެލުމަށްފަހު ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ކުށާއި ދަރަނީގެ ރެކޯޑެއް ނެތްކަމަށް ދޫކޮށްފައިވާނީ، ޢާންމުކޮށް ރެކޯޑު ސާފުކުރުމުގައި މިހާތަނަށް އަމަލުކުރަމުން އައި އުސޫލުގެމަތިން، އެ ރެކޯޑު ސާފުކުރަންޖެހޭ ދަށުކޯޓުތަކާއި ޙަސަން މޫސާ ރަށްވެހިވެފައިވާ ރަށުގެ މެޖިސްޓްރޭޓް ކޯޓުން ރެކޯޑު ބެލުމަށް ފަހުގައި ކަމަށާއި، ނަމަވެސް އެ ޑިޕާޓްމަންޓަށް ހުށަހެޅިފައިވާ ޝަކުވާއަކާ ގުޅިގެން ފ. ބިލެއްދޫ މެޖިސްޓްރޭޓް ކޯޓުން ޙަސަން މޫސާގެ ރެކޯޑު ބެލުމުން، ސާބިތު ޚަރަދު ހޯދުމަށްއެދި ހުށަހެޅުނު މައްސަލައެއްގައި، ސާބިތު ޚަރަދަށް ފައިސާ ނުދައްކައިގެން ޙަސަން މޫސާގެ މައްޗަށް ފ. ބިލެއްދޫ މެޖިސްޓްރޭޓް ކޯޓުން ޙުކުމްކޮށްފައިވާކަން، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުގެ ނަންބަރު 198-Q/2020/MIS/107 ސިޓީއިން 27 އޮކްޓޫބަރު 2020 ގައި އިލެކްޝަންސް ކޮމިޝަނަށް ކޮޕީކޮށް ޙަސަން މޫސާއަށް އަންގާފައިވެއެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނު ގެ 12 ވަނަ މާއްދާގެ (ހ) ގެ (7) ވަނަ ނަންބަރުގައި ބަޔާންކުރާ، އިންތިޚާބަށް ކުރިމަތިލާ މީހުންގެ ކިބައިގައި ފުރިހަމަވާންޖެހޭ ޝަރުޠު ޙަސަން މޫސާގެ ކިބައިގައި ފުރިހަމަނުވާކަމަށް، ފ. ބިލެއްދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 20/L3C/2018 ޤަޟިއްޔާއާއި، އިލެކްޝަންސް ކޮމިޝަނަށް ލިބިފައިވާ މަޢުލޫމާތަކުން ސާބިތުވާކަމަށްބުނެ، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ގަވާއިދު ގެ 65 ވަނަ މާއްދާއިން އިލެކްޝަންސް ކޮމިޝަނަށް ލިބިދީފައިވާ ޤާނޫނީ ބާރުގެ ދަށުން ޙަސަން މޫސާ އަކީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2020 ގައި ވާދަކުރުމަށް އެދި ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަންޖެހޭ ޝަރުޠު ފުރިހަމަވާ ފަރާތެއް ނޫންކަމުގައި 2021 ޖަނަވަރީ 13 ގައި އެ ކޮމިޝަނުން ކަނޑައަޅާފައިވާތީ ޙަސަން މޫސާގެ ކެންޑިޑެސީ ބާޠިލުކުރިކަން 14 ޖަނަވަރީ 2021 ގައި ޙަސަން މޫސާއަށް އިލެކްޝަންސް ކޮމިޝަނުން އަންގާފައިވެއެވެ.

މައްސަލަ ހުށަހެޅި ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅި ނުކުތާތަކާއި އެ ނުކުތާތަކަށް ދީފައިވާ ރައްދު

13 ޖަނަވަރީ 2021 ގައި އިލެކްޝަންސް ކޮމިޝަނުން ނިންމި ނިންމުމަކީ ބާޠިލު ނިންމުމެއްކަމަށް ކަނޑައަޅައިދިނުމަށް އެދި، ޙަސަން މޫސާ 04 (ހަތަރެއް) ނުކުތާ ހުށަހަޅާފައިވެއެވެ.

އިލެކްޝަންސް ކޮމިޝަނުން 13 ޖަނަވަރީ 2021 ގައި، ތ. ކަނޑޫދޫ، އުސްގެ، ޙަސަން މޫސާއަކީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2020 ގައި ވާދަކުރުމަށް އެދި ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަންޖެހޭ ޝަރުޠު ފުރިހަމަވާ ފަރާތެއް ނޫންކަމަށް ކަނޑައަޅައި ނިންމަވާފައިވާ ނިންމެވުމަކީ، އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނު ގެ 01 ވަނަ މާއްދާއާއި 03 ވަނަ މާއްދާއާއި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނު އަދި އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނު ގެ 21 ވަނަ މާއްދާގެ (ހ) އާ ޚިލާފަށް، ނިންމާފައިވާ ނިންމުމެއްކަމަށް ބުނެ ހުށަހެޅި ނުކުތާ.

އިލެކްޝަންސް ކޮމިޝަނުން 13 ޖަނަވަރީ 2021 ގައި ޙަސަން މޫސާއަކީ ލޯކަލް ކައުންސިލް އިންތިޚާބު 2020 ގައި ވާދަކުރުމަށް އެދި ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަންޖެހޭ ޝަރުޠު ފުރިހަމަވާ ފަރާތެއް ނޫންކަމުގައި ކަނޑައަޅައި ނިންމާފައިވާ ނިންމުމަކީ އިންތިޚާބުތަކާބެހޭ ޢާންމު ގަވާއިދު ގެ 16 ވަނަ މާއްދާއާ ޚިލާފަށް ނިންމާފައިވާ ނިންމުމެއްކަމަށް ބުނެ ހުށަހެޅި ނުކުތާ.

އިލެކްޝަންސް ކޮމިޝަނުން 13 ޖަނަވަނީ 2021 ގައި ތ. ކަނޑޫދޫ އުސްގޭ ޙަސަން މޫސާއަކީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2020 ގައި ވާދަކުރުމަށް އެދި ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަންޖެހޭ ޝަރުޠު ފުރިހަމަވާ ފަރާތެއް ނޫންކަމުގައި ކަނޑައަޅާފައިވާ ކަނޑައެޅުމަކީ ސުޕްރީމް ކޯޓުގެ ނަންބަރު 2011/SC-A/01 ޤަޟިއްޔާއިން ކަނޑައަޅައި އެފަދަ މައްސަލަތަކުގައި ޢަމަލުކުރުމުގައި އިސްތިޤުރާރުވެފައިވާ ދުސްތޫރީ އުސޫލާ ޚިލާފަށް އަދި ހަމަ އެފަދަ މައްސަލަތަކުގައި އިލެކްޝަންސް ކޮމިޝަނުން މިހާތަނަށް އަމަލުކޮށްފައިވާ ޢާންމު އުސޫލުންވެސް ބޭރުން ނިންމާފައިވާ ނިންމުމެއްކަމަށް ބުނެ ހުށަހެޅި ނުކުތާ.

އިލެކްޝަންސް ކޮމިޝަނުން 13 ޖަނަވަނީ 2021 ގައި ތ. ކަނޑޫދޫ އުސްގޭ ޙަސަން މޫސާއަކީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2020 ގައި ވާދަކުރުމަށް އެދި ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަންޖެހޭ ޝަރުޠު ފުރިހަމަވާ ފަރާތެއް ނޫންކަމަށް ނިންމަވާފައިވާ ނިންމުމަކީ ޤާނޫނުއަސާސީގައި އަސާސީ ޙައްޤުތަކާއި މިނިވަންކަން ދުސްތޫރީ ބަޔާންކުރުމަކުން ބަޔާންކޮށްފައިވާ އެ ޤާނޫނުއަސާސީގެ 2 ވަނަ ބާބުގައި، ޤާނޫނުއަސާސީގެ 16 ވަނަ މާއްދާއާއި 17 ވަނަ މާއްދާ އާއި 18 ވަނަ މާއްދާއާއި، 20 ވަނަ މާއްދާއާއި 26 ވަނަ މާއްދާއާއި 37 ވަނަ މާއްދާއާއި 43 ވަނަ މާއްދާގެ (ހ) ގެ އިތުރުން އެ ޤާނޫނުއަސާސީގެ 69 ވަނަ މާއްދާ ގައި ކަނޑައަޅައި ބަޔާންކޮށްފައިވާ އެންމެހައި ޙައްޤުތައްވެސް އެ ބާބުގެ ފެށުމުގައި 16 ވަނަ މާއްދާގެ (ހ) ގައި ދުސްތޫރީ ގޮތުން ކަނޑައަޅައި ބަޔާންކޮށް، ކޮންމެ މީހަކަށްމެ ކަށަވަރުކޮށްދީފައިވާ ކޮށްދިނުން ނަފީކޮށް، ނިންމާފައިވާ ނިންމުމެއްކަމަށް ބުނެ ހުށަހެޅި ނުކުތާ.

ޙަސަން މޫސާގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅި ނުކުތާތަކުގެ ރައްދުގައި އިލެކްޝަންސް ކޮމިޝަނުން އަންނަނިވި ކަންކަން ފާހަގަކޮށްފައިވެއެވެ.

ފ. ބިލެއްދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2018/L3C/20 ޤަޟިއްޔާއިން ކޮށްފައިވާ ޙުކުމާ އެއްގޮތަށް ޙަސަން މޫސާ ފައިސާ ދައްކަމުން ނުދާކަން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ނަންބަރު 6/2020/38/Q-198 (26 ނޮވެންބަރު 2020) ސިޓީން އިލެކްޝަންސް ކޮމިޝަނަށް ކަށަވަރުކޮށްދީފައިވާކަން.

ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަކުރުމަށް އެދި ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަންޖެހޭ ޝަރުޠުތައް، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނު ގެ 12 ވަނަ މާއްދާގައި ބަޔާންކޮށްފައިވާކަމާއި އެގޮތުން، އިންތިޚާބަށް ކުރިމަތިލާ ކެންޑިޑޭޓަކީ، އަދާކުރަންޖެހޭ ސާބިތު ދަރަންޏެއް އޮތް މީހަކުނަމަ، ޙުކުމާ އެއްގޮތަށް އެ ދަރަނި އަދާކުރަމުންދާ މީހަކު ކަމުގައިވާންޖެހޭކަން، މި މާއްދާގެ (ހ) ގެ 7 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާއިރު، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ނަންބަރު 6/2020/38/Q-198 (26 ނޮވެމްބަރު 2020) ސިޓީގައި ބަޔާންކޮށްފައިވާ ކަންތަކަށް ބަލާއިރު، ޙަސަން މޫސާއަކީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނު ގެ 12 ވަނަ މާއްދާގެ (ހ) ގެ 7 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ޝަރުޠު ފުރިހަމަވާ ފަރާތެއް ކަމުގައި ނުބެލެވޭކަން.

ޙަސަން މޫސާގެ ކެންޑިޑެސީއާ ގުޅިގެން އިލެކްޝަންސް ކޮމިޝަނުން ޢަމަލުކޮށްފައިވާނީ އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނު ގެ 21 ވަނަ މާއްދާއާ އެއްގޮތަކަށް ކަމާއި އޭގެ ފަހުން ދިމާވި ކަންކަމާ ގުޅިގެން ޢަމަލުކުރަންޖެހޭގޮތެއް އެ މާއްދާގައި ބަޔާންވެފައި ނެތުމުން، ދެން ޢަމަލުކޮށްފައިވާނީ ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތަށްކަން.

ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ނަންބަރު 6/2020/38/Q-198 (26 ނޮވެމްބަރު 2020) ސިޓީގައި ހުރި މަޢުލޫމާތަކީ އިލެކްޝަންސް ކޮމިޝަނުން ޙަސަން މޫސާގެ ކެންޑިޑެސީ ބަލައިގަތްއިރު ދީފައިވާ މަޢުލޫމާތާ ތަފާތު މަޢުލޫމާތުތަކެއްކަން.

ޙަސަން މޫސާގެ ކެންޑިޑެސީ ބާޠިލުކުރުމަށް ނިންމި ނިންމުން ނިންމާފައިވަނީ އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނު ގެ 21 ވަނަ މާއްދާގެ ދަށުން ނޫންކަމާއި ޙަސަން މޫސާގެ ކެންޑިޑެސީއާ ގުޅޭގޮތުން އިލެކްޝަންސް ކޮމިޝަނުން ގޮތެއް ނިންމީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ގަވާއިދު ގެ 65 ވަނަ މާއްދާގެ ދަށުންކަން.

ހުށަހެޅިފައިވާ މައްސަލައިގައި އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނު ގެ 21 ވަނަ މާއްދާއާ ޚިލާފުކަމެއް ހިނގާފައި ނުވާނެކަން.

އިންތިޚާބުގައި ވާދަކުރުމަށް އެދި ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަންޖެހޭ ޝަރުޠުތައް

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނު ގެ 12 ވަނަ މާއްދާއަކީ ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަކުރުމަށް އެދި ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަންޖެހޭ ޝަރުޠުތައް ބަޔާންކުރާ މާއްދާއެވެ. މި މާއްދާގެ (ހ) ބުނާގޮތުން ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ވާދަކުރުމަށް އެދި ކުރިމަތިލާ މީހުންގެ ކިބައިގައި، އަންނަނިވި ޝަރުޠުތައް ފުރިހަމަވާންވާނެއެވެ.

(1) ދިވެހި ރައްޔިތަކަށްވުން؛

(2) ބޭރު ޤައުމެއްގެ ރައްޔިތަކަށް ނުވުން؛

(3) ބޭރު ޤައުމެއްގެ ރައްޔިތަކު ދިވެހި ރައްޔިތަކަށް ވެފައިވާނަމަ އެ މީހަކު ދިވެހި ރައްޔިތަކަށް ވުމަށްފަހު 5 (ފަހެއް) އަހަރު ފާއިތުވެފައިވުން؛

(4) މުސްލިމަކު ކަމުގައިވުމާއި، ސުންނަތް ޖަމާޢަތުގެ މީހަކު ކަމުގައިވުން؛

(5) ޢުމުރުން 18 (އަށާރަ) އަހަރު ފުރިފައިވާ މީހަކު ކަމުގައިވުން؛

(6) ބުއްދި ހަމައަށް ހުރި މީހަކު ކަމުގައިވުން؛

(7) އަދާކުރަންޖެހޭ ސާބިތު ދަރަންޏެއް އޮތް މީހަކުނަމަ، ޙުކުމާ އެއްގޮތަށް އެ ދަރަނި އަދާކުރަމުންދާ މީހަކު ކަމުގައިވުން؛

(8) އެއްވެސް ޖިނާއީ ކުށެއް ކުރިކަން ޝަރީޢަތަށް ސާބިތުވެ، ޙުކުމެއް ތަންފީޛު ކުރަމުންދާ މީހަކު ކަމުގައި ނުވުން؛

(9) ކުޑަކުއްޖަކާމެދު ބަދުއަޚްލާޤީ ޢަމަލެއް ހިންގިކަން ނުވަތަ މީހެއްގެ ޢިއްފަތްތެރިކަން ފޭރިގަތްކަން ޝަރީޢަތަށް ސާބިތުވެފައިވާ މީހަކު ކަމުގައިނުވުން؛

(10) މަސްތުވާތަކެތީގެ ވިޔަފާރިކުރުމުގެ ކުށެއް ކުރިކަން ޝަރީޢަތަށް ސާބިތުވެ، އެމީހެއްގެ މައްޗަށް ޙުކުމެއް ކޮށްފައިވާނަމަ، އެ ޙުކުމެއް ތަންފީޛުކޮށް ނިމުނުތާ 7 (ހަތެއް) އަހަރު ފާއިތުވެފައިވުން ނުވަތަ އެ ޙުކުމުން ކަނޑައެޅުނު އަދަބު މަޢާފުކޮށްދެވުނުތާ 7 (ހަތެއް) އަހަރު ފާއިތުވެފައިވުން؛ އަދި

(11) މި މާއްދާގެ (ހ) ގެ (9) ވަނަ ނަންބަރާއި (10) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ކުށްތައް ފިޔަވައި އެހެން ޖިނާއީ ކުށެއް ކުރިކަން ޝަރީޢަތަށް ސާބިތުވެ، އެ މީހެއްގެ މައްޗަށް 12 (ބާރަ) މަސްދުވަހަށްވުރެ ދިގު މުއްދަތެއްގެ ޙުކުމެއް ކޮށްފައިވާނަމަ، އެ ޙުކުމެއް ތަންފީޛުކޮށް ނިމުނުތާ 3 (ތިނެއް) އަހަރު ފާއިތުވެފައިވުން ނުވަތަ އެ ޙުކުމުން ކަނޑައެޅުނު އަދަބު މަޢާފުކޮށްދެވުނުތާ 3 (ތިނެއް) އަހަރު ފާއިތުވެފައިވުން.

ކެންޑިޑެސީ ބަލައިގަތުމަށްފަހު، 48 ގަޑިއިރު ފާއިތުވާ ފަހުން ކެންޑިޑެސީއާމެދު ގޮތެއް ކަނޑައެޅުން

އިންތިޚާބެއްގައި ވާދަކުރާ ކެނޑިޑޭޓެއްގެ ކެންޑިޑެސީ ބަލައިގަތުމަށްފަހު، 48 (ސާޅީސް އަށެއް) ގަޑިއިރު ފާއިތުވާ ފަހުން ދިމާވާ ކަންކަމާ ގުޅިގެން ކެންޑިޑެސީއާމެދު ގޮތެއް ކަނޑައެޅުމުގައި ރިޢާޔަތްކުރަން ބަލާއިރު އަންނަނިވިކަންކަން ފާހަގަކުރެވެއެވެ.

އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނު ގެ 21 ވަނަ މާއްދާގެ (ހ) ގެ ދަށުން، އިންތިޚާބަށް ކުރިމަތިލުމަށް އެދޭމީހާ އެކަން ބަޔާންކޮށް ހުށަހަޅާ ލިޔުން އިލެކްޝަންސް ކޮމިޝަނަށް ލިބޭތާ ގިނަވެގެން 48 ގަޑިއިރުގެ ތެރޭގައި އެމީހެއްގެ ހުށަހެޅުން ޤަބޫލުކުރިކަން ނުވަތަ ނުކުރާކަން އިލެކްޝަންސް ކޮމިޝަނުން އެމީހަކަށް އަންގަންވާނެ ކަމަށް އެ މާއްދާގައި ބަޔާންކޮށްފައިވެއެވެ. މިގޮތުން ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް ކުރިމަތިލުމަށް ޙަސަން މޫސާ ހުށަހެޅި ހުށަހެޅުމާގުޅިގެން، ބުނެވުނު މުއްދަތުގެ ތެރޭގައި ޙަސަން މޫސާގެ ކެންޑިޑެސީ އިލެކްޝަންސް ކޮމިޝަނުން ބަލައިގަނެފައިވާކަން އެނގެންއޮވެއެވެ.

އިލެކްޝަންސް ކޮމިޝަނުން ޙަސަން މޫސާގެ ހުށަހެޅުން ގަބޫލުކުރަން ނިންމާފައިވަނީ، ޙަސަން މޫސާ ހުށަހެޅި ފޯމާއެކު ހުށަހެޅި ކުށާއި ދަރަނީގެ ރެކޯޑު ސާފުކަމަށް ބަލައެވެ. އެހެންނަމަވެސް، 48 ގަޑިއިރު ފާއިތުވި ފަހުން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން އިލެކްޝަންސް ކޮމިޝަނަށް ފޯރުކޮށްދިން މަޢުލޫމާތާއި ގުޅިގެން އެ ކޮމިޝަނުން ބެލިބެލުމުން ޙަސަން މޫސާއަކީ އޭނާގެ މައްޗަށް ފ. ބިލެއްދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 20/L3C/2018 ޤަޟިއްޔާއިން ކޮށްފައިވާ ޙުކުމަކާ އެއްގޮތަށް ފައިސާ ދައްކަމުންދާ ފަރާތެއް ނޫންކަން އިލެކްޝަންސް ކޮމިޝަނަށް އެނގުނެވެ.

އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނު ގެ 21 ވަނަ މާއްދާގެ (ރ) ގައި، އިންތިޚާބަށް ކުރިމަތިލުމަށް އެދޭމީހާ ހުށަހަޅާ ހުށަހެޅުން މި މާއްދާގެ (ހ) ގެ ދަށުން އިލެކްޝަންސް ކޮމިޝަނުން ޤަބޫލުކުރިކަން ނުވަތަ ޤަބޫލުނުކުރާކަން އެމީހަކަށް އަންގާއިރު ޤަބޫލުނުކުރާނަމަ ޤަބޫލުނުކުރި ސަބަބު އިލެކްޝަންސް ކޮމިޝަނުން އެމީހަކަށް ލިޔުމުން އަންގަންވާނެކަމަށް ބަޔާންކޮށްފައިވެއެވެ.

އިންތިޚާބަށް ކުރިމަތިލުމަށް އެދޭ މީހާ އިންތިޚާބަށް ކުރިމަތިލުމަށް އެދި ހުށަހަޅާ ހުށަހެޅުން ޤަބޫލުނުކުރާކަމަށް ކަނޑައެޅުމަކީ، އިލެކްޝަންސް ކޮމިޝަނަށް އެއްވެސް ޤައިދުކުރުމަކާ ނުލައި ލިބިގެންވާ މުޠުލަޤު ބާރެއް ނޫންކަމާއި، އެފަދަ ކަމެއް ކަނޑައެޅުމުގެ ބާރު އިލެކްޝަންސް ކޮމިޝަނަށް ލިބިގެންވަނީ އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނު ގެ 21 ވަނަ މާއްދާގެ ޙުދޫދުގެ ތެރޭގައި، އެ މާއްދާގެ (ހ) ގައި ބުނެފައިވާ 48 ގަޑިއިރު ފަހަނައަޅައި ދިއުމުގެ ކުރިންކަން އެނގެން އޮންނަކަމަށް ސުޕްރީމް ކޯޓުގެ ނަންބަރު 01/SC-A/2011 (އަސީތު ތައުފީޤު ވ. އއ. ހިމަންދޫ އިލެކްޝަން ކޮމިޓީ) ޤަޟިއްޔާގައި ކަނޑައަޅާފައިވެއެވެ.

އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނު ގެ 21 ވަނަ މާއްދާގެ (ހ) ގައި، އިންތިޚާބަށް ކުރިމަތިލުމަށް އެދޭމީހާ އެކަން ބަޔާންކޮށް ހުށަހަޅާ ލިޔުން އިލެކްޝަންސް ކޮމިޝަނަށް ލިބޭތާ ގިނަވެގެން 48 ގަޑިއިރުގެ ތެރޭގައި އެމީހެއްގެ އެ ހުށަހެޅުން ޤަބޫލުކުރިކަން ނުވަތަ ޤަބޫލުނުކުރާކަން އިލެކްޝަންސް ކޮމިޝަނުން އެމީހަކަށް ލިޔުމުން އަންގަންވާނެކަމަށް ކަނޑައެޅުމުގެ މަޤްޞަދު، ސުޕްރީމް ކޯޓުގެ ނަންބަރު 01/SC-A/2011 (އަސީތު ތައުފީޤު ވ. އއ. ހިމަންދޫ އިލެކްޝަން ކޮމިޓީ) ޤަޟިއްޔާގެ ފާހަގަކުރެވުނު ނުކުތާތަކުގެ (ނ) ގައި ބުނެދީފައިވެއެވެ.

"... ]48 ގަޑިއިރު ހަމަވުމަށް ފަހު އިންތިޚާބަށް ކުރިމަތިލާ މީހާގެ ކެންޑިޑެސީ އިލެކްޝަންސް ކޮމިޝަނަށް ބާޠިލުނުކުރެވޭ ގޮތަށް އޮތުމުގެ[ ޙަޤީޤީ މަޤްޞަދަކީ އިންތިޚާބަށް ކުރިމަތިލާފައިވާ މީހާގެ އިންތިޚާބީ ޙައްޤުތައް ޤާނޫނުއަސާސީގެ 170 ވަނަ މާއްދާގެ (ހ) ގައި އިޝާރާތްކޮށްފައިވާ، 'ނުރަނގަޅު ނުފޫޒާއި ކޮރަޕްޝަނުން' އެއްކިބާވެގެންވާ މާޙައުލެއްގައި ޙިމާޔަތްވުންކަމާއި މަލްޓިޕާޓީ ސިޔާސީ ނިޒާމެއްގައި އިންތިޚާބަށް ކުރިމަތިލާމީހާގެ ކެންޑިޑޭޓުކަން ބާޠިލުކުރުމުގެ ބާރު އިލެކްޝަންސް ކޮމިޝަނަށް އެއްވެސް ޤައިދަކާނުލައި ލިބިފައި އޮތުމުގެ ނޭދެވޭ ނަތީޖާއަކަށް ވާނީ އިންތިޚާބަށް ކުރިމަތިލުމުގެ ދޮރުބަންދުވާފަހުން ކެންޑިޑޭޓުކަން ބާޠިލު ކުރެވޭ މީހެއްގެ ބަދަލުގައި އެހެން މީހެއްގެ ނަން ހުށަހެޅުމުގެ ފުރުސަތު ގެއްލިގެން ދިއުންކަމާއި، މިފަދަ ނޭދެވޭ ނަތީޖާއަކަށް މަގުފަހި ވެގެން ނުދިއުމަށްޓަކައި އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނުގެ 21 ވަނަ މާއްދާގައި ކަނޑައެޅިފައިވާ ގޮތާ ޚިލާފަށް އެއްވެސް ކެންޑިޑޭޓެއްގެ ކެންޑިޑޭޓުކަން ބާޠިލުކުރުމުގެ ބާރު އިލެކްޝަންސް ކޮމިޝަނަށް ޤާނޫނީ ގޮތުން ލިބިފައި ނުވާކަން އެނގެން އޮތުމެވެ."

އެހެންކަމުން، އިންތިޚާބަށް ކުރިމަތިލުމަށް އެދޭމީހާ އެކަން ބަޔާންކޮށް ހުށަހަޅާ ލިޔުން އިލެކްޝަންސް ކޮމިޝަނަށް ލިބޭތާ ގިނަވެގެން 48 ގަޑިއިރުގެ ތެރޭގައި އެމީހެއްގެ އެ ހުށަހެޅުން ޤަބޫލުކުރިކަން ނުވަތަ ޤަބޫލުނުކުރާކަން އިލެކްޝަންސް ކޮމިޝަނުން އެމީހަކަށް ލިޔުމުން އަންގަންވާނެކަމަށް އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނު ގެ 21 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައި އޮތުމުން، އެ 48 ގަޑިއިރު ފާއިތުވުމަށްފަހު، އިންތިޚާބަށް ކުރިމަތިލާފައިވާ މީހެއްގެ ކިބައިގައި ހުންނަންޖެހޭ ޝަރުޠެއް އުނިވެފައިވާކަމަށް އިލެކްޝަންސް ކޮމިޝަނަށް ޤަބޫލުކުރެވުނު ނަމަވެސް، އެ މީހެއްގެ ކެންޑިޑެސީ ބަލައިނުގަތުމަށް ނިންމުމުގެ ބާރަކީ އިލެކްޝަންސް ކޮމިޝަނަށް ޤާނޫނުން ލިބިދީފައިވާ ބާރަކަށް ނުވާތީ، އަހުރެންނަށް ޤަބޫލުކުރެވެނީ، އެ މުއްދަތު ފާއިތުވުމަށް ފަހު އެފަދަ މީހެއްގެ ކެންޑިޑެސީއާމެދު ގޮތެއް ކަނޑައެޅޭނީ ޤަޟާއީ ނިންމުމަކުންކަމަށެވެ.

ތ. ކަނޑޫދޫ، އުސްގެ، ޙަސަން މޫސާ އަކީ، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނު ގެ 12 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޝަރުތު ފުރިހަމަވާ ފަރާތެއްތޯ ބެލުމަށްފަހު، ޙަސަން މޫސާގެ ކެންޑިޑެސީއާ މެދު ގޮތެއް ކަނޑައަޅައިދިނުމަށް އެދި 28 ޑިސެންބަރ 2020 ގައި އިލެކްޝަންސް ކޮމިޝަނުން ހުށަހެޅި ހުށަހެޅުން ސުޕްރީމް ކޯޓުގެ ނަންބަރު SC-197/REG/2021/02 ރަޖިސްޓްރާރގެ ނިންމުމުން އެ މައްސަލަ ސުޕްރީމް ކޯޓަށް ބަލައިގަނެވެން ނެތްކަމަށް ނިންމުމުން، އެ ނިންމުން އިލެކްޝަންސް ކޮމިޝަނުން ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފައި ނުވާކަން އެނގެން އޮވެއެވެ.

ސުޕްރީމް ކޯޓުގެ ގަވާއިދު 2020 ގެ 13 ވަނަ މާއްދާގައި ސުޕްރީމް ކޯޓުގެ ރަޖިސްޓްރާރގެ ނިންމުމެއް އަލުން ބަލަން އެދި ހުށަހެޅުމުގެ ޙައްޤު ކަމުގެ މަޞްލަޙަތު އޮތް ކޮންމެ ފަރާތަކަށް ލިބިގެންވާކަމަށް ބަޔާންކޮށްފައިވެއެވެ. މި ގޮތުން ބުނެވުނު ގަވާއިދުގެ 13 ވަނަ މާއްދާގެ (ހ) ގައި؛

"ޤާނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) އިން އަދި މި ގަވާއިދުން ބާރު ލިބިގެން ރަޖިސްޓްރާރ ކުރާ އެއްވެސް ކަމަކާމެދު، ނުވަތަ ނިންމާ ނިންމުމަކާމެދު ހިތް ހަމަ ނުޖެހޭނަމަ، އަލުން އެކަމެއް ނުވަތަ އެ ނިންމުމެއް ބަލައިދިނުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހެޅުމުގެ ޙައްޤު، ކަމުގެ މަޞްލަޙަތު އޮތް ކޮންމެ ފަރާތަކަށް ލިބިގެންވެއެވެ."

މިފަދައިން ބަޔާންކޮށްފައި އޮންނަކަން އެނގެން އޮވެއެވެ.

އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނު ގެ 21 ވަނަ މާއްދާގެ ދަށުން އިންތިޚާބުތަކުގައި ވާދަކުރާ ފަރާތްތަކުގެ ޝަރުޠާ ގުޅޭކަންކަމުގައި ގޮތެއް ކަނޑައެޅުން އޮންނަނީ ސުޕްރީމް ކޯޓަށް ކަމަށްވެފައި، އެ މާއްދާ (ހ) ގައި ބަޔާންކުރާ 48 ގަޑިއިރު ފާއިތުވާ ފަހުން އިންތިޚާބަށް ވާދަކުރާ ފަރާތެއްގެ (އިންތިޚާބަށް ކުރިމަތިލުމާގުޅޭ) ޝަރުޠާގުޅޭ މައްސަލަތަކުގެ ޙައްލު ހޯދުމަށް އެހެން ކޯޓަކަށް ދިއުމަކީ ޤާނޫނީގޮތުން ބުރަދަންހުރި އަދި ޤާނޫނީގޮތުން ހަމަޖެހޭ ކަމަކަށް ނުވާތީ، އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނު ގެ 21 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ 48 ގަޑިއިރު ފާއިތުވާ ފަހުން ކެންޑިޑޭޓެއްގެ ޝަރުތު ހަމަނުވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމުމުގެ ކުރިން، އެކަމުގައި ގޮތެއް ކަނޑައެޅުމަށް އިލެކްޝަންސް ކޮމިޝަންއިން ސުޕްރީމް ކޯޓަށް އަންނަންޖެހޭކަމަށް ގަބޫލުކުރެވެއެވެ.

ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ ރައުޔުމި މައްސަލައިގައި އުއްތަމަ ފަނޑިޔާރު އަޙްމަދު މުޢުތަޞިމް ޢަދުނާންގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔު

މި މައްސަލައިގައި އުއްތަމަ ފަނޑިޔާރު އަޙްމަދު މުޢުތަޞިމް ޢަދުނާންގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

ޙުކުމް

ދެންފަހެ، ގަވާއިދު ނަންބަރު 2020/R-6 (ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ގަވާއިދު) ގެ 65 ވަނަ މާއްދާއިން އިލެކްޝަންސް ކޮމިޝަނަށް ލިބިދީފައިވާ ޤާނޫނީ ބާރުގެ ދަށުން ޙަސަން މޫސާ އަކީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2020 ގައި ވާދަކުރުމަށް އެދި ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަންޖެހޭ ޝަރުޠު ފުރިހަމަވާ ފަރާތެއް ނޫންކަމުގައި 2021 ޖަނަވަރީ 13 ގައި އެ ކޮމިޝަނުން ކަނޑައަޅާފައިވާކަމަށްބުނެ ޙަސަން މޫސާގެ ކެންޑިޑެސީ ބާޠިލުކުރިކަން ޙަސަން މޫސާއަށް އަންގައި އިލެކްޝަންސް ކޮމިޝަނުގެ ނަންބަރު (MISL)38-CA/INDIV/2021/4 (14 ޖަނަވަރީ 2021) ސިޓީއިން އަންގާފައިވާ އެންގުމަކީ ޤާނޫނު ނަންބަރު 2008/11 (އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނު) ގެ 21 ވަނަ މާއްދާގެ ޞަރީޙަ ޢިބާރާތުގައި، އިންތިޚާބަށް ކުރިމަތިލާ ކެންޑިޑޭޓެއްގެ ޝަރުޠު ފުރިހަމަ ނުވާކަމަށް ނިންމައި އެކަން އެންގުމަށް، އިލެކްޝަންސް ކޮމިޝަނަށް ލިބިދީފައިވާ 48 ގަޑިއިރު ފާއިތުވިފަހުން އަންގާފައިވާ އެންގުމަކަށް ވާތީ، އެ އެންގި އެންގުމަކީ ބާޠިލު އެންގުމެއް ކަމަށް ކަނޑައަޅައި، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2020 އަށް ޙަސަން މޫސާ ކުރިމަތިލުމަށްޓަކައި ފުރިހަމަވާންޖެހޭ ޝަރުޠު ފުރިހަމަ ވެފައިވާކަން ނުވަތަ ނުވާކަމާމެދު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ގޮތެއް ކަނޑަނާޅާހިނދަކު، ޙަސަން މޫސާގެ ނަން ތ. ކަނޑޫދޫ ކައުންސިލްގެ ރައީސް ކަމަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ލިސްޓުން އުނި ނުކުރުމަށް އިލެކްޝަންސް ކޮމިޝަނަށް އަންގައި، ސުޕްރީމް ކޯޓުގެ މި މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާގުން ޙުކުމްކޮށްފީމެވެ.

މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ:

އަޒްމިރާލްދާ ޒާހިރުއަޙްމަދު މުޢުތަޞިމް ޢަދުނާންޢާއިޝާ ޝުޖޫން މުޙައްމަދު(ރިޔާސަތު)

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ޝެއަރ ކުރައްވާ