ދިވެހިރާއްޖޭގެ މަތީ މަރުޙަލާގެ ކޯޓުތަކުން ކަނޑައަޅާފައިވާ ޤާނޫނީ އުޞޫލުތައް

Maldives Legal Precedents

Saeed Lex
[2021] SC 95 · 2021/SC-F/01ސުޕްރީމް ކޯޓު · 17 އޮކްޓޫބަރު 2021

ޢަބްދުﷲ ޢަލީ ވ. ފާތިމަތު ފަރީދާ އަދި އިތުރު 7 މީހުން

ސުޕްރީމް ކޯޓު
ފަހުގެ ޙުކުމެއްގައި ޙަވާލާދީފައެއް ނުފެނޭޙުކުމުގެ ހާލަތު
ސުޕްރީމް ކޯޓު · 17 އޮކްޓޫބަރު 2021ބާވަތް: މަދަނީ

ޚުލާޞާ

ޚުލާޞާ ނެތް.

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
—
ފަހުގެ ތާރީޚު
—

ނިންމުން

—

ކޯ ޓާމްސް

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

މި ލިޔުމުން އުޞޫލެއް ނުނެގުނު.

ފަނޑިޔާރުން

ބެންޗު
—
ޚިލާފު ރައުޔު
ނެތް

ޝަރީޢަތުގެ ވީޑިއޯ

ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު

[2021] SC 952021/SC-F/01

ޝަރީއަތް ނިމުނުގޮތް

ޢަބްދުﷲ ޢަލީ ވ. ފާޠިމަތު ފަރީދާ އަދި އިތުރު 7 މީހުން

ފަނޑިޔާރުންގެ މަޖިލިސް

ފަނޑިޔާރު ޙުސްނުއްސުޢޫދުފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުނިމުނު ތާރީޚު

17 އޮކްޓޯބަރ 2021 މުރާޖައާ ކުރަން ހުށަހެޅުނު ނިންމުން

2017/SC-L-J/14

އިސްތިއުނާފު ރައްދުވާ ފަރާތް

އިސްތިއުނާފުކުރާ ފަރާތް

ފާޠިމަތު ފަރީދާ

މުޙައްމަދު ޝަވީދު

ޚައުލަތު ފަހީމް

އަޙްމަދު ޝިޔާމް

އާމިނަތު އަޝްފާ

މަރްޔަމް ޝިފާ

ޢަލީ ޝިޔާމް

ޙަސަން ޝިޔާމް

ބަދަލުގައި: އަލްއުސްތާޛް ޢަބްދުﷲ ސިޔާޒް

ޤާނޫނީ ވަކީލު: ޑޮކްޓަރ މުޙައްމަދު ޖަމީލް އަޙްމަދު ޢަބްދުﷲ ޢަލީ،

ބަދަލުގައި: މުޙައްމަދު އަނީސް

ޤާނޫނީ ވަކީލު: އަލްއުސްތާޛް އަޙްމަދު ޙަމްޒާ

ޤާނޫނީ ވަކީލު: އަލްއުސްތާޛާ ޢާއިޝަތު ފަޒްނާ އަޙްމަދު

ޤާނޫނީ ވަކީލު: އަލްއުސްތާޛާ މަރްޔަމް ނިހާޔަތު

ޤާނޫނީ ވަކީލު: އަލްއުސްތާޛް މުޙައްމަދު ފައިޞަލް

ސުޕްރީމް ކޯޓުގެ ނިންމުން މުރާޖައާކުރުން – ސުޕްރީ ކޯޓުން ނިންމާފައިވާ ނިންމުމެއް އަލުން މުރާޖައާކުރުމުގައި ގިރާކުރަންޖެހޭ އޮޅިގަނޑު

ޢަބްދުﷲ ޢަލީ ވ. ފާޠިމަތު ފަރީދާ އަދި އިތުރު 7 މީހުން

ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރައުޔު (ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު އަދި ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދު ތާއީދުކުރައްވާފައި)

ތައާރުފު

މިއީ، ސުޕްރީމް ކޯޓުގެ ނިންމުމެއް މުރާޖައާ ކުރުމަށްޓަކައި ސުޕްރީމް ކޯޓުގެ ގަވާއިދުގެ 24 ވަނަ މާއްދާގެ ދަށުން، މ. ތްރީއޭވިލާ ޢަބްދުﷲ ޢަލީ ހުށަހަޅާފައިވާ މައްސަލައެކެވެ. މުރާޖައާ ކުރަން އެދި ހުށަހަޅާފައިވާ ނިންމުމަކީ ސުޕްރީމް ކޯޓުގެ ނަންބަރ2017/SC-L-J/14 ނިންމުމެވެ. މި މައްސަލަ ރައްދުވަނީ ތިރީގައި ބަޔާންކޮށްފައި މިވާ މީހުންގެ މައްޗަށެވެ.

1. ފާޠިމަތު ފަރީދާ

2. މުޙައްމަދު ޝަވީދު

3. ޚައުލަތު ފަހީމް

4. އަޙްމަދު ޝިޔާމް

5. އާމިނަތު އަޝްފާ

6. މަރިޔަމް ޝިފާ

7. ޢަލީ ޝިޔާމް

8. ޙަސަން ޝިޔާމް

(މީގެ ފަހުން މި އެންމެނަށް އެކުގައި ހަވާލާދިނުމަށް "މޫސާ ފަހީމުގެ ވާރިސުން" ނުވަތަ "މައްސަލަ ރައްދުވާ ފަރާތްތައް" މިގޮތަށް ބުނެފައިވޭ( އެވެ.

ސުޕްރީމް ކޯޓުގެ ނިންމުމެއް މުރާޖައާކުރުން

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ގަވާއިދުގެ 24 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވަނީ:

"ސުޕްރީމް ކޯޓުން ނިންމާފައިވާ ނިންމުމެއް ނުވަތަ ކޮށްފައިވާ ހުކުމެއް އަލުން ބެލޭނީ މައްސަލައިގައި ހިމެނޭ ފަރާތަކުން ނުވަތަ މަސްލަޙަތު އޮތް ފަރާތަކުން އެ މައްސަލައެއް ހުށަހެޅުމުން، މައްސަލައިގެ ތަބީއަތަށް ރިޢާޔަތްކުރުމާއެކު، އެ މައްސަލައަކީ ކަނޑައެޅިގެން ގާނޫނު އެއްފަރާތްކޮށް، ގާނޫނާ ޚިލާފު ނިންމުމަކަށްވުމުގެ ސަބަބުން، ނުވަތަ މައްސަލަ ނިންމާ ފަހުން އައު ހެކި ލިބިއްޖެ ނަމަ އެ ހެއްކަށް ރިއާޔަތް ނުކުރުމުގެ ސަބަބުން، ނުވަތަ އެނޫންވެސް އެހެން ސަބަބަކާ ހުރެ، ފާޅުކަން ބޮޑު ބޭއިންސާފެއް (ގްރޮސް އިންޖަސްޓިސް) ފެންނަން އޮންނަ ހާލަތުގައެވެ. ކުރިން ހުށަހެޅިފައިވާ ހެއްކަކާބެހޭ ގޮތުން ނުވަތަ ގާނޫނީ ނުކުތާއަކާ ބެހޭ ގޮތުން ބަހުސެއް ކުރުމަށް ފުރުސަތު އޮތުމަކީ ހުކުމެއް ނުވަތަ ނިންމުމެއް އަލުން މުރާޖައާކުރުމަށް ހުއްދަދެވޭނެ ސަބަބެއް ނޫނެވެ."

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ގަވާއިދުގެ 24 ވަނަ މާއްދާގެ (ހ) އިން އެނގެނީ ސުޕްރީމް ކޯޓުން ނިންމާފައިވާ ނިންމުމެއް ސުޕްރީމް ކޯޓުން މުރާޖައާކުރެވޭނީ ހަމައެކަނި އާދަޔާ ޚިލާފު ހާލަތެއް މެދުވެރިވެ، ފާޅުކަން ބޮޑު ބޭއިންސާފެއް މެދުވެރިވެފައިވާނަމަ ކަމެވެ. މި މާއްދާގެ އިބާރާތަށް ބެލުމުން، ފާޅުކަންބޮޑު ބޭއިންސާފެއް އޮވެގެން ސުޕްރީމް ކޯޓުގެ ހުކުމެއް ނުވަތަ ނިންމުމެއް މުރާޖައާކުރެވިދާނެ 3 ހާލަތެއް މި މާއްދާގައި ބަޔާންކޮށްފައިވާކަން އެނގެއެވެ. އެ ހާލަތުތަކަކީ:

(1) މުރާޖައާކުރަން އެދިހުށަހަޅާ ހުކުމަކީ ނުވަތަ ނިންމުމަކީ ކަނޑައެޅިގެން ގާނޫނު އެއްފަރާތްކޮށް، ގާނޫނާ ޚިލާފަށް ނިންމާފައިވާ ނިންމުމަކަށްވެފައި، އެ ނިންމުން ބަދަލުނުކޮށްފިނަމަ، އެ ނިންމުމުގެ ސަބަބުން ފާޅުކަން ބޮޑު ބޭއިންސާފެއް މެދުވެރިވެދާނެ ކަމަށް ފެންނަ ހާލަތު؛ ނުވަތަ

(2) މުރާޖައާކުރަން އެދިހުށަހަޅާ ހުކުމަކީ ނުވަތަ ނިންމުމަކީ މައްސަލަ ނިންމާ ފަހުން އައު ހެކި ލިބި، އެ ހެއްކަށް ރިއާޔަތް ނުކޮށްފިނަމަ ފާޅުކަން ބޮޑު ބޭއިންސާފެއް މެދުވެރި ވެދާނެ ހުކުމެއް ނުވަތަ ނިންމުމެއް ކަމަށް ފެންނަ ހާލަތު؛ ނުވަތަ

(3) މުރާޖައާކުރަން އެދި ހުށަހަޅާ ހުކުމަކީ ނުވަތަ ނިންމުމަކީ، އެ ހުކުމް ނުވަތަ އެ ނިންމުން ބަދަލުނުކޮށްފި ނަމަ، ފާޅުކަން ބޮޑު ބޭއިންސާފެއް މެދުވެރިވެ ވެދާނެ ކަމަށް ސުޕްރީމް ކޯޓަށް ފެނުން؛ މިއެވެ.

ސުޕްރީމް ކޯޓުގެ ހުކުމެއް ނުވަތަ ނިންމުމެއް މުރާޖައާ ކުރަން ހުށަހެޅުމަކީ، އެ މައްސަލަ އިސްތިއުނާފުކުރުމަށް އޮތް ފުރުސަތެއް ކަމަށް ދެކިގެން އެ ހުކުމް ނުވަތަ ނިންމުން މުރާޖައާ ކުރުމަށް ހުށަހަޅައިގެން ނުވާނެއެވެ. ސުޕްރީމް ކޯޓުން ނިންމާ ނިންމުމެއްގައި ގާނޫނު ތަތުބީގުކޮށްފައިވަނީ ނުވަތަ ގާނޫނު މާނަކޮށްފައިވަނީ، ނުވަތަ އިޖުރާއަތެއް ހިންގާފައިވަނީ ގޯސްކޮށް ކަމަށްވީ ނަމަވެސް، ހަމައެކަނި އެ ސަބަބަށްޓަކައި، އެ މައްސަލައެއް މުރާޖައާކުރުމުގެ އިޚްތިޔާރު ސުޕްރީމް ކޯޓަށް ލިބިގެންނުވެއެވެ. ކޮންމެ މައްސަލައެއްގައި ވެސް ސުޕްރީމް ކޯޓުން ނިންމާ ނިންމުމަކީ އެ މައްސަލައެއްގެ ފައިސަލާކުރަނިވި ނިޔާއެވެ. އެއީ ދައުލަތުގެ އެންމެ މަތީ އިސްތިއުނާފީ ކޯޓުގެ ހައިސިއްޔަތުން ސުޕްރީމް ކޯޓުން ނިންމާ ނިންމުމުގެ ތަބީއަތާއި ޒާތުގައި ހިމެނޭ އެންމެ މައިގަނޑު ސިފައެވެ. ބައެއް ފަހަރު އެންމެ ވޭންދެނިވި ހަގީގަތަކީ ދައުލަތުގެ އެންމެ މަތީ ކޯޓަށް ކުށެއް ހެދުނު ނަމަވެސް އެކަމަކީ އާންމުގޮތެއްގައި އެކަން އިސްލާހުކޮށް ރަނގަޅުކޮށްދެވޭނެ ކަމަކަށް ނުވުމެވެ. އާދޭހެވެ! ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ގަވާއިދުގެ 24 ވަނަ މާއްދާގެ (ހ) ގައިވާ އިސްތިސްނާއީ ހާލަތުގައި މެނުވީއެވެ. މިއަށް ވުރެ ސާދާކޮށް ބުނާނަމަ، ސުޕްރީމް ކޯޓުން ނިންމާފައިވާ ނިންމުމެއް އިސްތިއުނާފުކުރެވޭނެ އިތުރު އެއްވެސް މަގެއް ނޯންނާނެއެވެ. އެ ނިންމުމުގައި ގޯހެއް ހެދިފައި އޮތް ނަމަވެސް މެއެވެ. ސުޕްރީމް ކޯޓުގެ ގަވާއިދުގެ 24 ވަނަ މާއްދާގެ (ހ) ގައިވާ އިސްތިސްނާއީ ހާލަތަކީ ސުޕްރީމް ކޯޓުން ކޮށްފައިވާ ހުކުމެއް ނުވަތަ ނިންމުމެއް އިސްތިއުނާފީ މައްސަލައެއްގެ ގޮތުގައި އަލުން ބެލުމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށްވުރެ މަތީ ކޯޓެއްގެ ގޮތުގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުން އިށީންނަ އިށީނުމެއް ނޫނެވެ.

ސުޕްރީމް ކޯޓުގެ ގަވާއިދުގެ 24 ވަނަ މާއްދާގެ (ހ) ގައިވާ މުރާޖައާ އިޚްތިސާސްއަކީ ވަރަށް ޚާއްސަ އިޚްތިސާސްއެކެވެ. އިސްތިއުނާފީ އާ މަރުހަލާއެއް ނުވަތަ ފުރުސަތެއް ދިނުމަކީ އެ މާއްދާގެ މަގްސަދެއް ނޫނެވެ. އެ މާއްދާގެ މަގްސަދަކީ، ސުޕްރީމް ކޯޓުން މައްސަލައެއް ބަލައި ނިންމުމުގައި އަސާސީ ގޯހެއް ހެދިފައި އޮތުމުގެ ސަބަބުން ނުވަތަ އަސާސީ ކަމެއް ދޫވެފައި އޮތުމުގެ ސަބަބުން ފާޅުކަން ބޮޑު ބޭއިންސާފެއް މެދުވެރިވެފައިވާ ކަން، މުރާޖައާ ކުރުމަށް މައްސަލަ ހުށަހަޅާފަރާތުން ސުޕްރީމް ކޯޓަށް އިގްތިނާއު ކުރުވައިދީފި ނަމަ، ސުޕްރީމް ކޯޓުގެ ގަވާއިދުގެ 24 ވަނަ މާއްދާގެ އިމުގެ ތެރެއިން އެކަމެއް އިސްލާހުކޮށް ރަނގަޅުކުރުމަށް ސުޕްރީމް ކޯޓަށް ލިބިފައި އޮންނަ ފުރުސަތެކެވެ. މިއީ ސުޕްރީމް ކޯޓުން ބެލި މައްސަލައެއް ނާކާމިޔާބުވާ ފަރާތުން އެ މައްސަލައެއްގައި އަލުން ބަހުސްކޮށްލަން ނުވަތަ މައްސަލަ ގެއްލުމުގެ ޖަޒުބާތުގެ ތެރޭގައި ބޭނުންކުރަން އޮންނަ ދެވަނަ ފުރުސަތެއް ނޫނެވެ.

މައްސަލައިގެ ފަސްފަހަތް

ކުރިންވެސް ބަޔާންކުރި ފަދައިން މުރާޖައާ ކޮށްދިނުން އެދި ޢަބްދުﷲ ޢަލީގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވަނީ ސުޕްރީމް ކޯޓުގެ ނަންބަރ2017/SC-L-J/14 ނިންމުމެވެ. އެ ނިންމުމާ ގުޅޭގޮތުން ޢަބްދުﷲ ޢަލީގެ ފަރާތުން ބުނެފައިވަނީ، އޭނާގެ މިލްކިއްޔާތުގެ ތެރޭގައި ހިމެނޭ ޗާނދަނީމަގު 17 ނަންބަރު ފިހާރަ، މަދަނީ ކޯޓުގެ ނަންބަރު 462/MC/2004 ގަޒިއްޔާ ނިންމުމުގައި އަރާފައިވާ އޮޅުމަކުން ނުވަތަ ހެދިފައިވާ ކުށަކުން، އެއްވެސް ހައްގަކާ ނުލައި އޭނާގެ ކިބައިން ނިގުޅިގެން ގޮސް، އެ ފިހާރަ މޫސާ ފަހީމުގެ ވާރިސުންނަށް ޖައްސާފައިވާ ކަމަށެވެ. އެހެންކަމުން ޗާނދަނީމަގު 17 ނަންބަރު ފިހާރަ މޫސާ ފަހީމުގެ ވާރިސުންގެ ކިބައިން ލިބިގަތުމަށް އޭނާ ސިވިލް ކޯޓުގައި ކުރި ދައުވާއާ ގުޅިގެން ހައިކޯޓުގައި ބެލެވުނު ނަންބަރު 2013/HC-A/366 ގަޒިއްޔާގެ ހުކުމަށް، ސުޕްރީމް ކޯޓުގެ ނަންބަރ2017/SC-L-J/14 ނިންމުމުގައި ތާއީދުކޮށްފައި އޮތުމުން، ޗާނދަނީމަގު 17 ނަންބަރު ފިހާރަ އޭނާއަށް ގެއްލިގެންގޮސް، ފާޅުކަން ބޮޑު ބޭއިންސާފެއް މެދުވެރިވެފައިވާ ކަމަށެވެ.

ސުޕްރީމް ކޯޓުގެ ނަންބަރ2017/SC-L-J/14 ނިންމުމުގެ ސަބަބުން ޢަބްދުﷲ ޢަލީއަށް ފާޅުކަން ބޮޑު ބޭއިންސާފެއް މެދުވެރިވެފައިވޭތޯ ބެލުމަށްޓަކައި، ސުޕްރީމް ކޯޓުގެ ޝަރިއަތުގެ މަޖިލީހުގައި ދެފަރާތުން ދައްކާފައިވާ ވާހަކަތަކަށާއި ހުށަހެޅުނު ލިޔުންތަކަށް ބެލުމުން އަންނަނިވި ޕެރެގްރާފުތަކުގައި ބަޔާންކޮށްފައިވާ ކަންކަން ފާހަގަކުރެވިފައި ވެއެވެ.

މ. ތްރީއޭވިލާ ޢަބްދުﷲ ޢަލީއާއި އޭނާގެ ކޮއްކޮ ހ. ވާލީވިލާ މޫސާ ފަހީމްއާ ދެ މީހުންނަކީ އެކުގައި ވިޔަފާރިކުރަމުން ގެންދިޔަ ދެބެއިންނެވެ. އެ ދެ ބެއިންގެ ތެރެއިން މޫސާ ފަހީމް ނިޔާވުމާ ގުޅިގެން އެ ދެމީހުންގެ ނަމުގައި ހިނގަމުންދިޔަ ޕާޓްނަރޝިޕާއި ކުންފުނިތަކާއި ދެމީހުންގެ ނަމުގައި ހުރި ދެމީހުންގެ އެކުވި މުދާ ޢަބްދުﷲ ޢަލީ އާއި މޫސާ ފަހީމުގެ ވާރިސުންގެ މެދުގައި ބެހުމުގެ ގޮތުން މަދަނީ ކޯޓުގައި ހިންގި މަދަނީ ކޯޓުގެ ނަންބަރު 462/MC/2004 ގަޒިއްޔާގައި އެ ދެމީހުންގެ ނަމުގައި ހިނގަމުންދިޔަ ޕާޓްނަރޝިޕާއި ކުންފުނިތަކާއި ދެމީހުންގެ ނަމުގައި ހުރި ދެމީހުންގެ އެކުވި މުދާ އެއްފަރާތުން ޢަބްދުﷲ ޢަލީއަށް އަނެއްފަރާތުން މޫސާ ފަހީމްގެ ވާރިސުންނަށް ހަމަޖައްސައި އެގަޒިއްޔާގައި ހުކުމްކޮށްފައި ވެއެވެ.

މި ބަޔާންކުރެވުނު މުދާ މަދަނީ ކޯޓުގެ ނަންބަރު 462/MC/2004 ގަޒިއްޔާގައި ޢަބްދުﷲ ޢަލީ އާއި އަލްމަރްހޫމް މޫސާ ފަހީމްގެ ވާރިސުންނަށް ބަހައި ނިމިފައިވަނިކޮށް، ސިވިލް ކޯޓުގެ ނަންބަރު 806/Cv-C/2011 ގަޒިއްޔާގައި ޢަބްދުﷲ ޢަލީގެ ފަރާތުން ދައުވާކޮށްފައިވަނީ އިސްވެ ބަޔާންކުރި މަދަނީ ކޯޓުގެ ނަންބަރު 462/MC/2004 ގަޒިއްޔާ ނިންމި އިރު، ޢަބްދުﷲ ޢަލީގެ އަމިއްލަ ނަމުގައި ރަޖިސްޓަރީ ކުރެވިފައިވާ ޗާނދަނީމަގު 17 ނަންބަރު ފިހާރަ އަލްމަރްހޫމް މޫސާ ފަހީމުގެ ވާރިސުންނަށް ޖައްސާފައިވާ ކަމަށާއި، މަދަނީ ކޯޓުގެ ނަންބަރު 462/MC/2004 ނަންބަރު ގަޒިއްޔާ ނިންމި އިރު އަލްމަރްހޫމް މޫސާ ފަހީމްގެ 8 ވާރިސުންނަށް ޗާނދަނީމަގު 17 ނަންބަރު ފިހާރަ ޖައްސާފައިވަނީ އޮޅުމަކުން ކަމަށެވެ.

މޫސާ ފަހީމްގެ ވާރިސުން އެ ދައުވާއާ މެދު ބުނެފައިވަނީ ޗާނދަނީ މަގު 17 ނަންބަރު ފިހާރައަކީ ދިއްދޫ އިބްރާހިމް ކަލޭގެފާނުގެ ނަމުގައި ކުރިން އޮތްތަނެއް ކަމަށާއި، އެތަން ޝަރިއަތުގެ މަގުން ތިރީސް ލައްކަ ރުފިޔާގެ އަގަށް ޢަބްދުﷲ ޢަލީއާއި އޭނާގެ ކޮއްކޮ މޫސާ ފަހީމު ގަނެ އެތަން ދެ މީހުންގެ ނަމުގައި ރަޖިސްޓްރީ ކުރީކަމަށެވެ. އަދި އެފަހުން އެ ފިހާރަ ދެބައިކޮށް ވަކިވަކިން ދެމީހުންގެ ނަމުގައި ރަޖިސްޓަރީކުރި ކަމަށެވެ. މި ގޮތަށް ދެބައިކުރުމުން ޢަބްދުﷲ ޢަލީގެ ނަމުގައި ރަޖިސްޓަރީ ކުރެވުނު ބަޔަކީ ޗާންދަނީ މަގު 17 ނަންބަރު ކަމަށާއި މޫސާ ފަހީމުގެ ނަމުގައި ރަޖިސްޓަރީކުރެވުނު ބަޔަކީ 19 ނަންބަރު ކަމަށެވެ. ފަހުން މި ދެ ފިހާރަ ބިމުގައި 'ވާލީ ބިލްޑިންގ' ގެ ނަމުގައި ދެމީހުންގެ ވިޔަފާރި ފައިސާއިން އިމާރާތެއް ކޮށްފައިވާ ކަމަށާއި، އަދި މަދަނީ ކޯޓުގެ ނަންބަރު 462/MC/2004 ގަޒިއްޔާގެ ހުކުމުގައި މޫސާ ފަހީމުގެ ވާރިސުންނަށް 'ވާލީ ބިލްޑިންގ' އެކުގައި ޝަރިއަތުން ޖައްސައިދީފައިވާ ކަމަށެވެ. އަދި މޫސާ ފަހީމުގެ ވާރިސުންގެ މައްޗަށް އެ ބިލްޑިންގ ގެ ރަޖިސްޓަރީ ބަދަލުކުރެވިފައި ނުވަނީ މަދަނީ ކޯޓުގެ ނަންބަރު 462/MC/2004 ގަޒިއްޔާ ނިމުމުގެ ކުރިން ޢަބްދުﷲ އަލީގެ ފަރާތުން ވާލީ ބިލްޑިންގ ސްޓޭޓް ބޭންކުގައި ރަހުނުކޮށްފައިވާތީ ކަމަށެވެ.

ޢަބްދުﷲ ޢަލީގެ ފަރާތުން ބުނެފައިވަނީ މަދަނީ ކޯޓުގެ ނަންބަރު 462/MC/2004 ގަޒިއްޔާގެ ހުކުމުގައި ވާލީ ބިލްޑިންގ ގެ ވާހަކައޮތް ކަމަށް މޫސާ ފަހީމްގެ ވާރިސުން ބުނާއިރު، އެ ދެ ފިހާރައިގެ ދެ ރަޖިސްޓަރީގައި އެ ދެތަނަށް ދީފައިވާ ނަމަކީ ޗާނދަނީ މަގު 17 ނަންބަރު ފިހާރައާއި 19 ނަންބަރު ފިހާރަ ކަމަށާއި، ވާލީ ބިލްޑިންގ އަކީ މޫސާ ފަހީމުގެ ވާރިސުން ކިޔައިގެން އުޅޭ ނަމެއް ކަމަށާއި، ޗާނދަނީ މަގު 17 ނަންބަރު ފިހާރައާއި 19 ނަންބަރު ފިހާރަ އަކީ ޖެހިޖެހިގެން އޮތް ދެ ބިމެއްގައި ހަދާފައިވާ ވަކިކޮށް ބައިކުރެވޭ ގޮތަށް ހަދާފައިވާ ދެ އިމާރާތް ކަމަށެވެ.

ސިވިލް ކޯޓުގެ ނަންބަރު 806/Cv-C/2011 ގަޒިއްޔާގެ ހުކުމުގެ 9 ވަނަ ނަންބަރުގެ ދެވަނަ ޕެރެގްރާފްގައި ބުނެފައިވަނީ މަދަނީ ކޯޓުގެ ނަންބަރު 462/MC/2004 ގަޒިއްޔާގެ ހުކުމުގެ ދަށުން މޫސާ ފަހީމުގެ ވާރިސުންނަށް ޖެއްސިފައިވާ ތަންތަނާއި ތަކެއްޗާއި ފައިސާގެ ލިސްޓުގައި 'ވާލީ ބިލްޑިންގ' (ޗާނދަނީ މަގު 17 ނަންބަރު ފިހާރައާއި 19 ނަންބަރު ފިހާރަ) ހިމެނިއިރު، އެ ބިލްޑިންގ ގެ މުގާބިލުގައި މޫސާ ފަހީމްގެ ވާރިސުންގެ ފަރާތުން ޢަބްދުﷲ ޢަލީއަށް ފައިސާއާއި މުދާ ދެވިފައިވާކަން މަދަނީ ކޯޓުގެ ނަންބަރު 462/MC/2004 ގަޒިއްޔާ ނިމުނު ގޮތުގެ ރިޕޯޓުން އެނގޭ ކަމަށެވެ.

ސިވިލް ކޯޓުގެ ނަންބަރު 806/Cv-C/2011 ގަޒިއްޔާ ނިންމާފައިވާ ގޮތާމެދު ހިތް ހަމަނުޖެހޭތީވެ، އެ މައްސަލަ އިސްތިއުނާފުކުރުމަށް މޫސާ ފަހީމުގެ ވާރިސުންގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ދިވެހިރާއްޖޭގެ ކޯޓުން ބެލި ހައިކޯޓުގެ ނަންބަރު 2013/HC-A/366 ގަޒިއްޔާގެ ހުކުމުގައި (ފާހަގަކުރެވޭ ނުކުތާތަކުގެ 3 ވަނަ ނަންބަރުގެ (ށ) ގައި) ބުނެފައިވަނީ މަދަނީ ކޯޓުގެ ނަންބަރު 462/MC/2004 ގަޒިއްޔާގެ ހުކުމުގެ ދަށުން މޫސާ ފަހީމުގެ ވާރިސުންގެ ބަޔަށް ޖެއްސިފައިވާ ތަންތަނާއި، ތަކެއްޗާއި، ފައިސާގެ ލިސްޓުކަމަށް ބަޔާންކޮށް އެ ގަޒިއްޔާގެ ޝަރިއަތް ނިމުނު ގޮތުގެ ރިޕޯޓުގައި ހިމެނިފައިވާ ލިސްޓަށް ބަލާއިރު، ޢަބްދުﷲ ޢަލީގެ ދައުވާގައި ހޯދުމަށް އެދިފައިވާ ޗާނދަނީ މަގު 17 ނަންބަރު ފިހާރައަކީ އަލްމަރްހޫމް މޫސާ ފަހީމްގެ ވާރިސުންނަށް ލިބިފައިވާ ތަނެއްކަން މަދަނީ ކޯޓުގެ ނަންބަރު 462/MC/2004 ގަޒިއްޔާގެ ޝަރިއަތް ނިމުނު ގޮތުގެ ރިޕޯޓުން އެނގޭ ކަމަށާއި، މަދަނީ ކޯޓުގެ ނަންބަރު 462/MC/2004 އިސްތިއުނާފުކޮށްފައި ނުވާ ކަމަށެވެ. އަދި، މަދަނީ ކޯޓުގެ ނަންބަރު 462/MC/2004 ގަޒިއްޔާ އިން ނިންމާފައިވާ ކަމެއް ދަށުކޯޓުން އެ ގަޒިއްޔާއާ ތައާރަޒުވާ ގޮތަށް ބަލައި ކުރިން އެ ކޯޓުން ކޮށްފައިވާ ހުކުމަކަށް ބަދަލު އަންނަ ގޮތަށް ހުކުމް ކުރުމަކީ ޝަރިއަތްކުރުމުގެ އުސޫލުތަކާ ޚިލާފުކަމެއް ކަމަށާއި އެހެން ކަމުން ސިވިލް ކޯޓުގެ ނަންބަރު 806/Cv-C/2011 ގަޒިއްޔާގައި ކޮށްފައިވާ ހުކުމަކީ ބާތިލު ހުކުމެއް ކަމަށެވެ.

މަދަނީ ކޯޓުގެ ނަންބަރު 462/MC/2004 ގަޒިއްޔާ މަދަނީ ކޯޓުން ނިންމައި ހުކުމްކުރީ 1 ޖޫން 2006 ގައެވެ. އެ ހުކުމާ ވިދިގެން 3 ޖޫން 2006 ގައި ދެފަރާތުގެ ދެމެދުގައި ސެޓްލްމެންޓް އެގްރީމަންޓެއްގައި ސޮއިކޮށްފައިވެއެވެ. މި ސެޓްލްމަންޓު އެގްރީމަންޓުގައި މަދަނީ ކޯޓުގެ ނަންބަރު 462/MC/2004 ގަޒިއްޔާގެ ހުކުމުގެ ދަށުން ޢަބްދުﷲ ޢަލީއަށް ޖެއްސުނު ތަންތަނާއި ތަކެއްޗާއި ފައިސާގެ ލިސްޓާއި އެ ގަޒިއްޔާގެ ދަށުން މޫސާ ފަހީމްގެ ވާރިސުންގެ ބަޔަށް ޖެއްސުނު ތަންތަނާއި ތަކެއްޗާއި ފައިސާގެ ލިސްޓު އެ ގަޒިއްޔާ ނިމުނު ގޮތުގެ ރިޕޯޓުގައި ހިމަނާފައިވާ ގޮތަށް ދެފަރާތުން ގަބޫލުކޮށް އެ ލިސްޓުތަކަކީ އެ ސެޓްލްމެންޓު އެގްރީމަންޓުގެ އަސާސްކަމުގައި ދެފަރާތުން ކަނޑައަޅައި އެއްބަސްވެފައިވެއެވެ.

ހައިކޯޓުގެ ނަންބަރު 2013/HC-A/366 ގަޒިއްޔާގައި ހައިކޯޓުން ކޮށްފައިވާ ހުކުމަކީ ގާނޫނާ އެއްގޮތްވާ ހުކުމެއް ނޫންކަމަށް ބުނެ، އެ ގަޒިއްޔާގެ ހުކުމް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރުމުން ސުޕްރީމް ކޯޓުގެ ނަންބަރު 2017/SC-L-J/14 ނިންމުމުގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ނިންމާފައިވަނީ އެ މައްސަލައަކީ "ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުގެ މަރުހަލާގައި ބަލައި ފައިސަލާކުރަނިވި ހުކުމެއް ކޮށްފައިވާ މައްސަލައަކަށް ވެފައި، މި މައްސަލަ ސުޕްރީމް ކޯޓުގައި އިލްތިމާސްއަށް ހުށަހެޅި ސަބަބުތަކަށް ބެލިއިރު، ދިވެހިރާއްޖޭގެ ހައިކޯޓުގެ ހުކުމް ރަނގަޅުނޫންކަމަށް ބަލަންޖެހޭ އެއްވެސް އަސާސްއެއް އޮތްކަމަށް ބެލެވެން ނެތަތީއާއި، އަދި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/366 ގަޒިއްޔާގައި ކޮށްފައިވާ ހުކުމަކީ ޝަރުއީ އަދި ގާނޫނީ ހަމަތަކާއި އެއްގޮތަށް ކޮށްފައިވާ ހުކުމަކަށްވާތީވެ، އެ ހުކުމަށް އެއްވެސް ބަދަލެއް ގެންނަންޖެހޭ ފަދަ ޝަރުއީ އަދި ގާނޫނީ ސަބަބެއް ނެތަތީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/366 ގަޒިއްޔާ އަކީ ނަންބަރު 2010/22 (ދިވެހިރާއްޖޭގެ ކޯޓުތަކާބެހޭ ގާނޫނު) ގެ 16 ވަނަ މާއްދާއާއި ސުޕްރީމް ކޯޓުގެ ގަވައިދުގެ 42 ވަނަ މާއްދާގައިވާ ގޮތުގެ މަތިން، ސުޕްރީމް ކޯޓުން ހުއްދަދެވިދާނެ މައްސަލައެއް ނޫން" ކަމަށެވެ.

ނިންމުން

މަތީގައި މިފާހަގަކުރި ވާގިއާތައް އެހެންހުރުމުން، ޗާނދަނީ މަގު 17 ނަންބަރު ފިހާރަ މޫސާ ފަހީމްގެ ވާރިސުންގެ މައްޗަށް ޖެއްސިފައިވަނީ އޮޅުމަކުން ނޫންކަމާއި، ދެފަރާތުގެ މުދާ ބައިކޮށް ހަމަޖެއްސުމުގެ ގޮތުން އުނިއިތުރު ހަމަޖެއްސުމުގެ ތެރޭގައި ޗާނދަނީ މަގު 17 ނަންބަރު ފިހާރައާއި 19 ނަންބަރު ފިހާރަ ބިމުގައި ހުރި "ވާލީ ބިލްޑިންގ" އަގުމަގު ކުރެވި އޭގެ މުގާބިލު ޢަބްދުﷲ ޢަލީއަށް ލިބިގެން ގޮސްފައިވާކަން މަދަނީ ކޯޓުގެ ނަންބަރު 462/MC/2004 ގަޒިއްޔާއާއި ދެފަރާތުގެ ދެމެދުގައި 3 ޖޫން 2006 ގެ ސެޓްލްމެންޓް އެގްރީމެންޓުން އެނގެއެވެ. އަދި މުދާ ބައިކުރުމުގެ ތެރޭގައި ޗާނދަނީ މަގު 17 ނަންބަރު ފިހާރައާއި 19 ނަންބަރު ފިހާރަ ބިމުގައި ހުރި "ވާލީ ބިލްޑިންގ" މޫސާ ފަހީމުގެ ވާރިސުންނަށް ޖައްސާފައިވަނީ ޢަބްދުﷲ ޢަލީ އަށް އެނގިގެން އެފަރާތުގެ ރުހުން އޮވެގެންކަންވެސް މަދަނީ ކޯޓުގެ ނަންބަރު 462/MC/2004 ގަޒިއްޔާގެ ހުކުމުންނާއި ސެޓްލްމެންޓު އެގްރީމަންޓުން އެނގެއެވެ.

އެހެންކަމުން ސުޕްރީމް ކޯޓުގެ ކުރީގެ ނިންމުމެއް މުރާޖައާކުރުމުގެ ނަމުގައި ހުށަހެޅިފައިވާ މި މައްސަލައިގައި، މި މައްސަލަ މުރާޖައާކުރަންޖެހޭ ފަދަ ފާޅުކަންބޮޑު ބޭއިންސާފެއް އޮތްކަމަށް ބުނެދެވިފައި ނެތެވެ. އެއާ ޚިލާފަށް، ހުށަހަޅާފައިމިވާ މައްސަލައިގައި ދައްކާފައިވާ ވާހަކަތަކުން ދޭހަވީ، މި މައްސަލަ އަކީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/366 ގަޒިއްޔާގެ ނިންމުމުގައި ފާހަގަކޮށްފައިވާ ގާނޫނީ ނުކުތާތަކާބެހޭ ގޮތުން އަލުން ބަހުސްކުރުމުގެ ގޮތުން ނުވަތަ އެ ގަޒިއްޔާ އިސްތިއުނާފުކުރުމުގެ ގޮތުން ހުށަހަޅާފައިވާ މައްސަލައެއް ކަމެވެ. ކުރިން ނުލިބި އޮތް އައު ހެއްކެއް ފެނުމުގެ ސަބަބުން، ފާޅުކަންބޮޑު ބޭއިންސާފެއް ލިބިފައިވާ ކަމަށް ބުނެދެވިފައެއް ނެތެވެ. ސުޕްރީމް ކޯޓުގެ ނަންބަރު 2017/SC-L-J/14 ނިންމުން ސުޕްރީމް ކޯޓުން ނިންމާފައިވަނީ ދިމާއަށް ހާމައަށް ގާނޫނު އެއްފަރާތްކޮށްފައި ކަމަށް ބުނެދެވިފައެއް ނުވެއެވެ. ސުޕްރީމް ކޯޓުގެ ނަންބަރު 2017/SC-L-J/14 ނިންމުން އެގޮތަށް ނިންމުމުގެ ސަބަބުން ލިބިފައިވާ ފާޅުކަންބޮޑު އެނޫންވެސް ބޭއިންސާފެއް މައްސަލަ ހުށަހެޅިފަރާތުން މިކޯޓަށް ދައްކައި ދީފައި ނުވެއެވެ. ވީމާ، މައްސަލައެއް މުރާޖައާ ކުރުމަށް ސުޕްރީމް ކޯޓުގެ 24 ވަނަ މާއްދާގައި ކަނޑައަޅާފައިވާ އުސް އޮޅިގަނޑު ގިރާކުރެވިފައެއް ނުވެއެވެ.

ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ ރައުޔުމި މައްސަލައިގައި ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔު

މި މައްސަލައިގައި ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

ޙުކުމް

ދެންފަހެ، އިސްވެ ބަޔާންކުރެވުނު ސަބަބުތައް އެހެންހުރުމުން، ސުޕްރީމް ކޯޓުގެ 2017/SC-L-J/14 ނިންމުން މުރާޖައާކުރުމަށް ޢަބްދުﷲ ޢަލީގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅި ހުށަހެޅުން ބަލައިނުގަތުމަށް، މި މައްސަލަ ބެލި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާގުން ކަނޑައަޅައިފީމެވެ.

މި ގަޒިއްޔާ ބަލައި ހުކުމް ކުރީ:

އަޒްމިރާލްދާ ޒާހިރުޙުސްނުއްސުޢޫދުޢާއިޝާ ޝުޖޫން މުޙައްމަދު)ރިޔާސަތު(

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ޝެއަރ ކުރައްވާ