ދިވެހިރާއްޖޭގެ މަތީ މަރުޙަލާގެ ކޯޓުތަކުން ކަނޑައަޅާފައިވާ ޤާނޫނީ އުޞޫލުތައް

Maldives Legal Precedents

Saeed Lex
[2022] SC 32 · 2021/SC-F/03ސުޕްރީމް ކޯޓު · 29 މޭ 2022

އެސްޓޭޓް އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑް ވ. އުސާމަތު އިސްމާޢީލް

ސުޕްރީމް ކޯޓު
ފަހުގެ ޙުކުމެއްގައި ޙަވާލާދީފައެއް ނުފެނޭޙުކުމުގެ ހާލަތު
ސުޕްރީމް ކޯޓު · 29 މޭ 2022ބާވަތް: ސުޕްރީމް ކޯޓުގެ ނިންމުން ނުވަތަ ޙުކުމް އަލުން ބެލުން

ޚުލާޞާ

ޚުލާޞާ ނެތް.

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
—
ފަހުގެ ތާރީޚު
—

ނިންމުން

—

ކޯ ޓާމްސް

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

މި ލިޔުމުން އުޞޫލެއް ނުނެގުނު.

ފަނޑިޔާރުން

ބެންޗު
—
ޚިލާފު ރައުޔު
ނެތް

ޝަރީޢަތުގެ ވީޑިއޯ

ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.

އެސްޓޭޓް އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑް ވ. އުސާމަތު އިސްމާޢީލް

ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ ރައުޔު (ފަނޑިޔާރު ޙުސްނުއްސުޢޫދު އަދި ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިން ތާއީދު ކުރައްވާފައި)

ތަޢާރުފު

މިއީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2015/SC-SJ/08 ކޯޓު އަމުރު އަލުން ބަލައިދިނުމަށް އެދި އެސްޓޭޓް އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑް (ކުންފުނި ރަޖިސްޓްރީ ނަންބަރު C-956/2007 މީގެ ފަހުން "އެސްޓޭޓް އިންޓަރނޭޝަނަލް") ގެ ފަރާތުން ހުށަހެޅުމުން މި ކޯޓުން ބެލި މައްސަލައެވެ. މި މައްސަލަ ރައްދުވާ ފަރާތަކީ އުސާމަތު އިސްމާޢީލް އެވެ.

މައްސަލައިގެ ފަސްފަހަތް

މި މައްސަލައިގައި ސުޕްރީމް ކޯޓުގެ ނަންބަރު 2015/SC-SJ/08 ކޯޓު އަމުރުގެ ކުރިއަށް ހިނގާފައިވާ ކަންތައްތަކަށް އަލިއަޅުވާލާނަމެވެ. ލިޔެކިއުންތަކުން ދައްކާ ގޮތުންނަމަ އެސްޓޭޓް އިންޓަނޭޝަނަލްއާއި އުސާމަތު އިސްމާޢީލްއާ ދެމެދު 2011 އިން ފެށިގެން މައްސަލަ އުފެދިފައިވާކަން ފާހަގަކުރެވެއެވެ.

(ހ) ޖިނާއީ ދަޢުވާ

އުސާމަތު އިސްމާޢީލް، އެސްޓޭޓް އިންޓަރނޭޝަނަލްގެ މެނޭޖިންގ ޑިރެކްޓަރެއްގެ މަޤާމުގައި ހުރެ ގިނަ ޢަދަދެއްގެ ފައިސާއަށް ޚިޔާނާތްތެރިވެފައިވާކަމަށް ބުނެ އެސްޓޭޓް އިންޓަރނޭޝަނަލްގެ ފަރާތުން މޯލްޑިވްސް ޕޮލިސް ސަރވިސްއަށް 2011 ވަނަ އަހަރުގެ ތެރޭގައި މައްސަލައެއް ހުށަހެޅިއެވެ. މި މައްސަލައިގެ ތަޙުޤީޤު މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން ކުރިއަށް ގެންދިޔައިރު، މޯލްޑިވްސް ޕޮލިސް ސަރވިސްއިން އެދިގެން ކްރިމިނަލް ކޯޓުން އުސާމަތު އިސްމާޢީލް ފުރައިގެން ދިއުން މަނާކުރުމުގެ ކޯޓު އަމުރުތަކެއް ނެރުނެވެ.

މި މައްސަލައާ ގުޅިގެން އުސާމަތު އިސްމާޢީލްގެ މައްޗަށް ޖިނާއީ ދަޢުވާ އުފުލާފައިވަނީ ކްރިމިނަލް ކޯޓުގެ ނަންބަރު 989/Cr-C/2012 ގަޒިއްޔާއިންނެވެ. މި ގަޒިއްޔާގައި ކޮށްފައިވާ ދަޢުވާއަކީ އުސާމަތު އިސްމާޢީލް 6 ނޮވެންބަރު 2007 އިން ފެށިގެން 19 އޭޕްރިލް 2011 އާ ހަމައަށް އެސްޓޭޓް އިންޓަނޭޝަނަލްގެ މެނޭޖިންގ ޑިރެކްޓަރުކަމުގެ މަޤާމުގައި ހުރިއިރު، ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ ނިންމުމެއްނެތި، އެ ކުންފުނީގެ ހިއްސާދާރުންނަށް ނޭނގި، އުސާމަތު އިސްމާޢީލްގެ ބައްޕަގެ ނަމުގައި ހުޅުމާލެ ސިނާއީ ސަރަހައްދުން ނަގާފައިވާ ލޮޓް ނަންބަރު M2-11 ބިމުގެ އިންސްޓޯލްމަންޓް ދެއްކުމަށްޓަކައި، އެސްޓޭޓް އިންޓަނޭޝަނަލްއިން އެކިފަހަރު މަތިން 422,010/- ރ. (ހަތަރުލައްކަ ބާވީސްހާސް ދިހައެއް ރުފިޔާ) ނަގާފައިވާތީ، ޤާނޫނުލްއޫޤޫބާތުގެ 131 ވަނަ މާއްދާގެ (ހ) އާއި 132 ވަނަ މާއްދާއާއި 146 ވަނަ މާއްދާގެ ދަށުން އުސާމަތު އިސްމާޢީލްގެ މައްޗަށް، މުދަލަކާ ހަވާލުވެހުރެ ދިހަހާސް ރުފިޔާއިން މަތީ އަދަދެއްގެ ފައިސާއަށް ޚިޔާނާތްތެރިވުމުގެ ކުށުގެ ދަޢުވާއާއި، އުސާމަތު އިސްމާޢީލް ޚިޔާނާތްތެރިވި ފައިސާ އޭނާގެ އަތުން އެސްޓޭޓް އިންޓަނޭޝަނަލްއަށް ހޯދުމަށް ކޮށްފައިވާ ދަޢުވާއެވެ.

މި މައްސަލައިގެ ޝަރީޢަތުގައި އުސާމަތު އިސްމާޢީލްގެ ފަރާތުން ބުނެފައިވަނީ އޭނާގެ މައްޗަށް ކޮށްފައިވާ ދަޢުވާއާ ގުޅިގެން ތަހުޤީޤުގައި ސުވާލުކޮށްފައިނުވާކަމަށާއި، ނަމަވެސް އެހެން މައްސަލައަކާ ގުޅިގެން ތަހުޤީޤުގައި ސުވާލުކުރިކަމަށެވެ.

މައްސަލައިގައި ޙުކުމްކޮށްފައިވަނީ އުސާމަތު އިސްމާޢީލްގެ މައްޗަށް އުފުލި ދަޢުވާގެ ކުށް އޭނާގެ މައްޗަށް ތުހުމަތު ކުރެވުނުކަން ތަހުޤީޤުން އޭނާއަށް ނާންގައި، އަދި އޭނާގެ ބަހެއް ނުހޯދައި، މިބާވަތުގެ މައްސަލަތަކުގައި ތަޙްޤީޤުކޮށް ދަޢުވާކުރަމުން އަންނަ އިޖުރާއަތާ އެއްގޮތަށްކަމަށް ނުވާތީ، އުސާމަތު އިސްމާޢީލްގެ މައްޗަށް ދައުލަތުންކުރި ދަޢުވާ ކުރިއަށް ގެންދެވޭނެ ތަނެއް ނެތްކަމަށް ކަނޑައަޅައެވެ.

ސުޕްރީމް ކޯޓުގައި މިހާރު ބަލަމުންދާ މައްސަލައިގެ ޝަރީޢަތުގެ މަޖިލިހުގައި، އުސާމަތު އިސްމާޢީލްގެ ފަރާތުން ބުނެފައިވަނީ، މިއީ އެސްޓޭޓް އިންޓަނޭޝަނަލްގެ ފަރާތުން އޭނާގެ މައްޗަށް ސިލްސިލާކޮށް ކުރަމުން އައި ދަޢުވާތަކުގެ ފެށުންކަމަށެވެ. ކްރިމިނަލް ކޯޓުގެ ނަންބަރު 989/Cr-C/2012 ގަޒިއްޔާގެ މައްސަލަ އެކޯޓަށް ހުށަހަޅާފައިވަނީ 25 ނޮވެންބަރު 2012 ގައެވެ. އަދި އެ މައްސަލަ އެ ކޯޓުން ނިންމީ 8 އޮގަސްޓް 2018 ގައެވެ.

(ށ) ސިވިލް ކޯޓުގެ ނަންބަރު 2117/Cv-C/2012 ގަޒިއްޔާ

އެސްޓޭޓް އިންޓަނޭޝަނަލްގެ ފަރާތުން އުސާމަތު އިސްމާޢީލްގެ މައްޗަށް ސިވިލް ކޯޓުގައި މިހާރު ބަލަމުންމިދާ މައްސަލައިގައި ހިމެނޭ މައުލޫއުގައި އެންމެ ފުރަތަމަ ދަޢުވާއެއް ކުރީ 06 ޑިސެމްބަރު 2012 ގައި އެ ކޯޓުގެ ނަންބަރު 2117/Cv-C/2012 ގަޒިއްޔާއިންނެވެ. މި މައްސަލައިގައި ދަޢުވާކޮށްފައިވަނީ ކްރިމިނަލް ކޯޓަށް އުސާމަތު އިސްމާޢީލްގެ މައްސަލަ ހުށަހެޅުނު ހަފްތާނޫން އޭގެ އަނެއް ހަފްތާގައެވެ. މި މައްސަލައިގައި އެސްޓޭޓް އިންޓަނޭޝަނަލްއިން ދަޢުވާކުރީ އެސްޓޭޓް އިންޓަރނޭޝަނަލްގެ މުވައްޒަފެއްގެ ގޮތުގައި އުސާމަތު އިސްމާޢީލް ހުރިއިރު އެސްޓޭޓް އިންޓަރނޭޝަނަލްގެ ބޯޑް އޮފް ޑިރެކްޓަރޒްގެ އަތުން ހުއްދަނޫން ގޮތަކަށް ފައިސާ ނަގާފައިވާކަމަށް ބުނެ، އުސާމަތު އިސްމާޢީލްގެ ކިބައިން US$114,786.30 (އެއްލައްކަ ސާދަހާސް ހަތްސަތޭކަ އަށްޑިހަ ހައެއް ޕޮއިންޓް ތިނެއް ސުމެއް އެމެރިކާ ޑޮލަރު) އާއި، 700,000/-ރ. (ހަތްލައްކަ ރުފިޔާ) ހޯދުމަށެވެ.

މި މައްސަލައިގައި އެސްޓޭޓް އިންޓަނޭޝަނަލްގެ ފަރާތުން ދަޢުވާ ފޯމު އިސްލާހުކޮށް އަލުން ހުށަހެޅުމުގެ ފުރުސަތަކަށް އެދުމުން، މި ފޯމު ބާޠިލުކޮށް ސިވިލް ކޯޓުން ޙުކުމްކޮށްފައިވަނީ 10 ނޮވެންބަރު 2013 ގައެވެ.

(ނ) ސިވިލް ކޯޓުގެ ނަންބަރު 2397/Cv-C/2013 ގަޒިއްޔާ

ސިވިލް ކޯޓުގެ ފުރަތަމަ މައްސަލައިގައި ޙުކުމްކުރި މަސް ނޫން ޖެހިގެން އައި މަހުގައި، 22 ޑިސެންބަރު 2013 ގައި، އެސްޓޭޓް އިންޓަނޭޝަނަލްއިން އުސާމަތު އިސްމާޢީލްގެ މައްޗަށް އަނެއްކާވެސް ދަޢުވާއެއްކުރިއެވެ. މި ދަޢުވާގައިވެސް، ސިވިލް ކޯޓުގެ ނަންބަރު 2117/Cv-C/2012 ގަޒިއްޔާގައި ކުރި ދަޢުވާގައި ހިމެނޭ ފައިސާގެ އަދަދުތައް ހޯދުންހިމެނެއެވެ. އަދި އެ އަދަދުތަކުގެ އިތުރުން، ގެއްލުމުގެ ބަދަލާއި ވަކީލު ފީ ހޯދުމަށް އެދިފައިވާކަން ފާހަގަކުރެވެއެވެ.

ކުރިންކުރެވުނު ދަޢުވާގައިވާ ފައިސާކަމުގައިވާ US$114,786.30 (އެއްލައްކަ ސާދަހާސް ހަތްސަތޭކަ އަށްޑިހަ ހައެއް ޕޮއިންޓް ތިނެއް ސުމެއް އެމެރިކާ ޑޮލަރު) އާއި، 700,000/-ރ. (ހަތްލައްކަ ރުފިޔާ) ގެ އިތުރުން، މި މައްސަލައިގައި ގެއްލުމުގެ ބަދަލެއްގެ ގޮތުން 01 މެއި 2011 އިން ފެށިގެން 09 ޑިސެމްބަރު 2013 ގެ ނިޔަލަށް ވޭތުވެދިޔަ 963 (ނުވަސަތޭކަ ފަސްދޮޅަސް ތިނެއް) ދުވަހަށް ދުވާލަކު 2,200/-ރ. (ދެހާސް ދުއިސައްތަ ރުފިޔާ) ގެ މަގުން 2,118,600/-ރ. (ދެމިލިއަން އެއްލައްކަ އަށާރަހާސް ހަސަތޭކަ ރުފިޔާ) އާއި، 2013 ޑިސެމްބަރު 10 ވަނަ ދުވަހުން ފެށިގެން US$114,786.30 (އެއްލައްކަ ސާދަހާސް ހަތްސަތޭކަ އަށްޑިހަ ހައެއް ޕޮއިންޓް ތިނެއް ސުމެއް އެމެރިކާ ޑޮލަރު) އާއި، 700,000/-ރ. (ހަތްލައްކަ ރުފިޔާ) އެއްކޮށް ދައްކާ ޚަލާޞްކޮށް ނިމެންދެން ހޭދަވާ ދުވަސްތަކަށް ދުވާލަކަށް 2,200/-ރ. (ދެހާސް ދުއިސައްތަ ރުފިޔާ) ގެ މަގުން ލިބެންޖެހޭ ފައިސާއާއި އަދި ލީގަލް ފީގެ ގޮތުގައި 35,000/-ރ. (ތިރީސް ފަސްހާސް ރުފިޔާ) ހޯދުމަށް އެސްޓޭޓް އިންޓަނޭޝަނަލްގެ ފަރާތުން އެދިފައިވެއެވެ.

މި މައްސަލަ ހުށަހެޅިތާ ގާތްގަނޑަކަށް 2 (ދޭއް) ހަފްތާ ފަހުން 6 ޖެނުއަރީ 2014 ގައި ޙުކުމްކުރީ އެސްޓޭޓް އިންޓަނޭޝަނަލްގެ ފަރާތުން ދަޢުވާ އަނބުރާ ގެންދަން ބޭނުންވާތީ އެ ގަޒިއްޔާކުރިއަށް ގެންދާނެ ތަނެއް ނެތްކަމަށް ކަނޑައަޅައެވެ.

(ރ) ސިވިލް ކޯޓުގެ ނަންބަރު 215/Cv-C/2014 ގަޒިއްޔާ

ކުރިން ހުށަހެޅުނު މައްސަލައިގައި 6 ޖެނުއަރީ 2014 ގައި ޙުކުމްކުރުމުން، 23 ޖެނުއަރީ 2014 ގައި ސިވިލް ކޯޓުގައި އެސްޓޭޓް އިންޓަނޭޝަނަލްގެ ފަރާތުން ތިންވަނަ ފަހަރަށް ހަމަ އެއް މައުލޫއެއްގައި އުސާމަތު އިސްމާޢީލްގެ މައްޗަށް ދަޢުވާކޮށްފައިވެއެވެ.

މިފަހަރު ހުށަހެޅި މައްސަލައިގެ ދަޢުވާގައި އުސާމަތު އިސްމާޢީލްގެ ކިބައިން ހޯދުމަށް އެދިފައިވާ ފައިސާގެ ތަފުސީލު ހިމަނާފައިނުވެއެވެ. ދަޢުވާގައި ބުނެފައިވަނީ އުސާމަތު އިސްމާޢީލް އެސްޓޭޓް އިންޓަރނޭޝަނަލްގެ ވަޒީފާ އަދާކުރިއިރު އެސްޓޭޓް އިންޓަރނޭޝަނަލްގެ ބޯޑް އޮފް ޑިރެކްޓަރޒްގެ އަތުން ހުއްދަ ނުހޯދާ އެ ކުންފުނިން ނަގާފައިވާ ފައިސާ، އުސާމަތު އިސްމާޢީލް އަމިއްލައަށް ބޭނުންކުރުމުގެ ސަބަބުން، އެސްޓޭޓް އިންޓަރނޭޝަނަލްއަށް ލިބިފައިވާ ގެއްލުމާއެކު މި އެންމެހައި ފައިސާ އުސާމަތު އިސްމާޢީލްގެ އަތުން ހޯދުމަށެވެ.

މި މައްސަލަ ސިވިލް ކޯޓަށް ހުށަހެޅިތާ ދެ ހަފްތާ ނުވަނީސް، 5 ފެބްރުއަރީ 2014 ގައި، އެ ގަޒިއްޔާގެ ދަޢުވާ އިޞްލާޙުކޮށް، އަލުން ހުށަހެޅުމަށް ބޭނުންވާތީ، މި ހިނދުގައި ދަޢުވާ ބާޠިލުކޮށްދިނުމަށް އެދި އެސްޓޭޓް އިންޓަރނޭޝަނަލްގެ ފަރާތުން ސިވިލް ކޯޓަށް ސިޓީއެއް ފޮނުވިއެވެ. އަދި މި ސިޓީގައި މިގޮތަށް އެދިފައިވާތީ، މިގޮތުގެ މައްޗަށް ދަޢުވާ ފޯމު ބާޠިލުކުރުމުން މި މައްސަލަ އިތުރަށް ކުރިއަށް ގެންދާނެތަނެއް ނެތްކަމަށް ކަނޑައަޅައި 5 މާރޗް 2014 ގައި ސިވިލް ކޯޓުން ޙުކުމްކުރިއެވެ.

(ބ) ސިވިލް ކޯޓުގެ ނަންބަރު 763/Cv-C/2014 ގަޒިއްޔާސިވިލް ކޯޓުގެ ނަންބަރު 215/Cv-C/2014 ގަޒިއްޔާ ނިންމިތާ، ގާތްގަނޑަކަށް އެއް މަސްފަހުން، 3 އެޕްރީލް 2014 ގައި އެސްޓޭޓް އިންޓަރނޭޝަނަލްގެ ފަރާތުން އުސާމަތު އިސްމާޢީލްގެ މައްޗަށް ސިވިލް ކޯޓުގެ ނަންބަރު 763/Cv-C/2014 ގަޒިއްޔާގައި އަނެއްކާވެސް ދަޢުވާކުރިއެވެ.

މި ފަހަރު ހުށަހެޅި މައްސަލައިގެ ދަޢުވާގައިވަނީ އުސާމަތު އިސްމާޢީލް އެސްޓޭޓް އިންޓަރނޭޝަނަލްގެ ވަޒީފާ އަދާކުރިއިރު އެސްޓޭޓް އިންޓަރނޭޝަނަލްގެ ބޯޑް އޮފް ޑިރެކްޓަރޒްގެ ހުއްދަ ނުހޯދާ އެ ކުންފުނިން ފައިސާ ނެގުމުގެ ސަބަބުން އެ ކުންފުންޏަށް ލިބިފައިވާ ގެއްލުން އުސާމަތު އިސްމާޢީލްގެ އަތުން ހޯދުމަށެވެ.

އޭގެ ގާތްގަނޑަކަށް 20 (ވިހި) ދުވަސް ފަހުން، 24 އެޕްރީލް 2014 ގައި، މި މައްސަލައިގެ ދަޢުވާ ފޯމު ބާޠިލުކޮށްދިނުމަށް އެދި އެސްޓޭޓް އިންޓަރނޭޝަނަލްގެ ފަރާތުން ސިވިލް ކޯޓަށް ސިޓީ ފޮނުވާފައިވެއެވެ. އަދި ސިޓީގައި އެދިފައިވާގޮތަށް މައްސަލައިގެ ދަޢުވާ ފޯމު ބާޠިލުކުރުމުން މި މައްސަލަ އިތުރަށް ކުރިއަށް ގެންދާނެތަނެއް ނެތްކަމަށް ކަނޑައަޅައި 27 އެޕްރީލް 2014 ގައި ސިވިލް ކޯޓުން ޙުކުމްކުރިއެވެ.

(ޅ) ސިވިލް ކޯޓުގެ ނަންބަރު 1041/Cv-C/2014 ގަޒިއްޔާވިދިގެން އައި މެއި މަހުގެ 12 ވަނަ ދުވަހު، ކުރީ މައްސަލަ ބާޠިލުކުރިތާ ގާތްގަނޑަކަށް 2 (ދޭއް) ހަފްތާ ފަހުން އެސްޓޭޓް އިންޓަނޭޝަނަލްގެ ފަރާތުން މި ސިލްސިލާގެ 5 (ފަހެއް) ވަނަ ދަޢުވާކުރިއެވެ.

ފަސްވަނައަށް ދަޢުވާކުރި ސިވިލް ކޯޓުގެ ނަންބަރު 1041/Cv-C/2014 ގަޒިއްޔާގައި، އުސާމަތު އިސްމާޢީލް އެސްޓޭޓް އިންޓަރނޭޝަނަލްގައި ވަޒީފާ އަދާކުރިކުރުމުގައި އެސްޓޭޓް އިންޓަރނޭޝަނަލްގެ ބޯޑް އޮފް ޑިރެކްޓަރސްގެ އަތުން ހުއްދަނެތި ނަގާފައިވާ US$114,786.30 (އެއްލައްކަ ސާދަހާސް ހަތްސަތޭކަ އަށްޑިހަ ހައެއް ޕޮއިންޓް ތިނެއް ސުމެއް އެމެރިކާ ޑޮލަރު) އާއި 700,000/-ރ. (ހަތްލައްކަ ރުފިޔާ) އާއި ލިބުނު ގެއްލުމުގެ ބަދަލެއްގެ ގޮތުގައި 01 މެއި 2011 އިން ފެށިގެން 31 މާރޗް 2014 ގެ ނިޔަލަށް ވޭތުވެދިޔަ 1066 (އެއްހާސް ފަސްދޮޅަސް ހައެއް) ދުވަހަށް ދުވާލަކަށްޖެހޭ 2,200/-ރ. (ދެހާސް ދުއިސައްތަ ރުފިޔާ) ގެ ރޭޓުން ދައްކަންޖެހޭ 2,345,200/-ރ. (ދެމިލިއަން ތިންލައްކަ ސާޅީސް ފަސްހާސް ދުއިސައްތަ ރުފިޔާ) ހޯދުމަށާއި، US$114,786.30 (އެއްލައްކަ ސާދަހާސް ހަތްސަތޭކަ އަށްޑިހަ ހައެއް ޕޮއިންޓް ތިނެއް ސުމެއް އެމެރިކާ ޑޮލަރު) އާއި 700,000/-ރ. (ހަތްލައްކަ ރުފިޔާ) އެއްކޮށް ދައްކާ ޚަލާޞްކޮށް ނިމެންދެން ހޭދަވާ ދުވަސްތަކަށް ދުވާލަކަށް 2,200/-ރ. (ދެހާސް ދުއިސައްތަ ރުފިޔާ) ގެ މަގުން އެހައިތަނަށް ލިބެންޖެހޭ ފައިސާ ހޯދުމަށާއި ވަކީލު ފީއަށްވާ 35,000/-ރ. (ތިރީސްފަސް ހާސް ރުފިޔާ) ހޯދުމަށް އެދި އުސާމަތު އިސްމާޢީލްގެ މައްޗަށް އެސްޓޭޓް އިންޓަރނޭޝަނަލްގެ ފަރާތުން ދަޢުވާކޮށްފައިވެއެވެ.

މި މައްސަލަ ސިވިލް ކޯޓުގައި ހިނގަމުންދަނިކޮށް، ބެލެނިވެރިކަމުގެ އިޚްތިޞާޞްގެ ދަށުން މި މައްސަލަ ބަލައިދިނުމަށް އެދި އުސާމަތު އިސްމާޢީލްގެ ފަރާތުން ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަހެޅިއެވެ. އެ މައްސަލައިގައި ސުޕްރީމް ކޯޓުން ގޮތެއް ކަނޑައަޅާފައިވަނީ މި ކޯޓުގެ ނަންބަރު 2015/SC-SJ/08 ކޯޓު އަމުރުންނެވެ.

ސުޕްރީމް ކޯޓުގެ ނަންބަރު 2015/SC-SJ/08 ކޯޓު އަމުރުސުޕްރީމް ކޯޓަށް އުސާމަތު އިސްމާޢީލް ހުށަހެޅި މައްސަލައާ ގުޅިގެން ސިވިލް ކޯޓުގެ ނަންބަރު 1041/Cv-C/2014 ގަޒިއްޔާގައި އެއްވެސް ފިޔަވަޅެއް ނޭޅުމަށާއި، އެ މައްސަލަ ސިވިލް ކޯޓަށް ހުށަހެޅުނީއްސުރެ އަޅާފައިވާ ފިޔަވަޅުތައް ހިމެނޭގޮތަށް މައްސަލައިގެ ފައިލުގައި ހިމެނޭ އެންމެހައި ލިޔުންތަކާއެކު ސިވިލް ކޯޓުގެ ނަންބަރު 1041/Cv-C/2014 ގަޒިއްޔާގެ ފައިލު 16 ޖޫން 2015 ގެ 15:00 ގެ ކުރިން ސުޕްރީމް ކޯޓަށް ފޮނުވުމަށް ސިވިލް ކޯޓަށް އަންގައި ސުޕްރީމް ކޯޓުން 15 ޖޫން 2015 ގައި އަމުރުކުރިއެވެ. މިއަމުރާއި ގުޅިގެން ސިވިލް ކޯޓުގެ ނަންބަރު 1041/Cv-C/2014 ގަޒިއްޔާގެ ހުރިހާ ލިޔުންތަކާއެކު އެ މައްސަލައިގެ ފައިލު ސިވިލް ކޯޓުން ސުޕްރީމް ކޯޓަށް ފޮނުވިއެވެ.

6 އޮގަސްޓް 2015 ގައި ސުޕްރީމް ކޯޓުގެ ނަންބަރު 2015/SC-SJ/08 ކޯޓު އަމުރު ނެރުނެވެ. އެ އަމުރުގައި ސިވިލް ކޯޓުގެ ނަންބަރު 1041/Cv-C/2014 ގަޒިއްޔާގެ ދަޢުވާ ފޯމު ބާޠިލުކޮށް އެ ގަޒިއްޔާގެ ފައިލު ބަންދުކުރުމަށްފަހު ކަމާބެހޭ ފަރާތްތަކަށް އެކަން އެންގުމަށް ސިވިލް ކޯޓަށް އަންގާ އަމުރުކުރިއެވެ.

ސުޕްރީމް ކޯޓުގައި މިހާރު މިބެލެވޭ މައްސަލައިގައި އަލުން ބަލައިދިނުމަށް އެދި އެސްޓޭޓް އިންޓަރނޭޝަނަލްގެ ފަރާތުން ހުށަހެޅީ ބުނެވުނު ސުޕްރީމް ކޯޓުގެ ނަންބަރު 2015/SC-SJ/08 ކޯޓު އަމުރެވެ. އެހެންކަމުން، މި ނިންމުން ޤާނޫނީ ގޮތުން ރަނގަޅު ނޫންކަމަށް ބުނެ ފާހަގަކުރި ސަބަބުތައް ބަޔާންކުރުމުގެ ކުރިން މިއަމުރަށް ބަލައިލާނަމެވެ.

ސުޕްރީމް ކޯޓުގެ ނަންބަރު 2015/SC-SJ/08 ކޯޓު އަމުރުގައި ބުނެފައިވަނީ؛

"... އެސްޓޭޓް އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސިވިލް ކޯޓުގެ ނަންބަރު 1041/Cv-C/2014 ޤަޟިއްޔާގެ ދަށުން ދަޢުވާކުރާ މި މައްސަލައަކީ، އެ މައްސަލައިގެ ކުރިން ސިވިލް ކޯޓުގެ ނަންބަރު 2117/Cv-C/2012 ޤަޟިއްޔާ އާއި، އެ ކޯޓުގެ ނަންބަރު 2397/Cv-C/2013 ޤަޟިއްޔާ އަދި އެ ކޯޓުގެ ނަންބަރު215/Cv-C/2014 ޤަޟިއްޔާ އާއި، އެ ކޯޓުގެ ނަންބަރު 763/Cv-C/2014 ޤަޟިއްޔާއާއި، މި ހަތަރު ޤަޟިއްޔާގެ ދަށުން އެސްޓޭޓް އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އުސާމަތު އިސްމާޢީލްގެ މައްޗަށް މީގެ ކުރީގައިވެސް ދަޢުވާކޮށްފައިވާ މައްސަލައެއްކަމާއި އަދި އިސްވެ ބުނެވުނު ހަތަރު ޤަޟިއްޔާއާއި އަދި މިހާރު ސިވިލް ކޯޓުގައި ހިނގަމުންދާ އެ ކޯޓުގެ ނަންބަރު 1041/Cv-C/2014 ޤަޟިއްޔާގައިވެސް އެސްޓޭޓް އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ދައުވާ ހުށަހަޅާފައިވަނީ އެއް މައުޟޫޢު އެއްގައި، އެއްބާވަތެއްގެ ކަންތައްތަކެއް ޙާޞިލުކުރުމަށްކަން އިސްވެ އިޝާރާތްކުރެވުނު ހަތަރު ޤަޟިއްޔާގެ ދަޢުވާ ފޯމާއި، އަދި މިހާރު، ސިވިލް ކޯޓުގައި ހިނގަމުންދާ އެ ކޯޓުގެ ނަންބަރު 1041/Cv-C/2014 ޤަޟިއްޔާގެ ދަޢުވާ ފޯމަށް ބެލުމުން އެނގެން އޮންނައިރު،

އިސްވެ އިޝާރާތްކުރެވުނު ހަތަރު ޤަޟިއްޔާގެ ތެރެއިން ނަންބަރު 2117/Cv-C/2012 ޤަޟިއްޔާ އާއި ނަންބަރު 215/Cv-C/2014 ޤަޟިއްޔާ އާއި މި ދެ ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށް ބެލިއިރު، އެ ދެ ޤަޟިއްޔާވެސް ނިންމާފައިވަނީ، އެ މައްސަލަ ހުށަހެޅިފައިވާ ގޮތް އިސްލާޙުކޮށް އަލުން ހުށަހެޅުމަށްޓަކައި މައްސަލައިގެ ދަޢުވާ ފޯމު ބާޠިލުކުރުމަށް މައްސަލަ ހުށަހެޅި އެސްޓޭޓް އިންޓަރޏޭޝަނަލް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސިވިލް ކޯޓުގައި އެދިފައިވާތީ، މައްސަލައިގެ ދަޢުވާ ފޯމު ބާޠިލްކޮށް އެ މައްސަލަ އިތުރަށް ކުރިއަށް ގެންދާނެ ތަނެއްނެތްކަމަށް ކަނޑައަޅައިކަން އެ ދެ ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމުން އެނގެން އޮންނަކަން ފާހަގަކުރެވިފައިވާއިރު،

އިސްވެ، އިޝާރާތް ކުރެވުނު ހަތަރު ޤަޟިއްޔާގެ ތެރެއިން ނަންބަރު 2397/Cv-C/2013 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށް ބެލިއިރު، އެ ޤަޟިއްޔާ ނިންމާފައިވަނީ އެސްޓޭޓް އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން މ. ދޫނިދޫ އުސާމަތު އިސްމާޢީލްގެ މައްޗަށް ކުޅަ ދަޢުވާ އަނބުރާ ގެންދަން ބޭނުންވާކަމަށް ބުނެ ދަޢުވާކުރާ ފަރާތުން 26 ޑިސެމްބަރ 2013 ގައި ސިވިލް ކޯޓުގައި އެދިފައިވާތީ، އެ ޤަޟިއްޔާ އިތުރަށް ކުރިއަށް ގެންދާނެ ތަނެއް ނެތްކަމުގައި ކަނޑައަޅައި ޙުކުމް ކޮށްކަމާއި، އަދި އިސްވެ އިޝާރާތް ކުރެވުނު ހަތަރު ޤަޟިއްޔާގެ ތެރެއިން ސިވިލް ކޯޓުގެ ނަންބަރު 763/Cv-C/2014 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށް ބެލިއިރު އެ ޤަޟިއްޔާ ނިންމާފައިވަނީ މައްސަލައިގެ ފޯމު ބާޠިލު ކުރުމަށް މައްސަލަ ހުށަހެޅި އެސްޓޭޓް އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން 24 އެޕްރީލް 2014 ގައި އެ ކޯޓުގައި އެދިފައިވާތީ، އެ މައްސަލަ އިތުރަށް ކުރިއަށް ގެންދާނެ ތަނެއް ނެތްކަމަށް ކަނޑައަޅައިކަން ނަންބަރު 763/Cv-C/2014 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމުން އެނގެން އޮތްއިރު،

ޤާނޫނު ނަންބަރު 81/78 (ދަޢުލަތް ފިޔަވައި އެހެންފަރާތްތަކުން ދަޢުވާއާއި މައްސަލަ ޝަރީޢަތަށް ހުށަހެޅުމާބެހޭ ޤާނޫނު) ގެ 2 ވަނަ މާއްދާގައި ޤަޟިއްޔާއެއްގައި ދަޢުވާ ކުރާ ފަރާތުން ދަޢުވާ ދޫކޮށްލައިފިނަމަ، އަލުން އެ ދަޢުވާއެއް ނޫފުލޭނެކަމަށް ސާފުބަހުން ކަނޑައަޅައި ބަޔާންކޮށްފައި ވާތީ،

ސިވިލް ކޯޓުގެ ނަންބަރު 1041/Cv-C/2014 ޤަޟިއްޔާގެ ދަށުން އެސްޓޭޓް އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އުސާމަތު އިސްމާޢީލް މައްޗަށް ހުށަހަޅާފައިވާ ދަޢުވާއަކީ، ޤާނޫނު ނަންބަރު 81/78 (ދަޢުލަތް ފިޔަވައި އެހެންފަރާތްތަކުން ދަޢުވާއާއި މައްސަލަ ޝަރީޢަތަށް ހުށަހެޅުމާބެހޭ ޤާނޫނު) ގެ 02 ވަނަ މާއްދާގެ ޞަރީޙަ ނައްޞާއި ފާޅުކަން ބޮޑުގޮތެއްގައި ތަޢާރުޟުވާ އަދި އެ ދަޢުވާ އުފުލުމުގެ އެއްވެސް ޙައްޤެއް އެސްޓޭޓް އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑްއަށް މިހާރު ލިބިގެންނުވާ ދަޢުވާއެއްކަން ސާފުކޮށް އެނގެން އޮންނާތީ، ބަޔާންވެދިޔަ އެންމެހައި ކަންކަމުގެ މައްޗަށާއި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 141 ވަނަ މާއްދާ އާއި ދިވެހިރާއްޖޭގައި ޢަދުލު އިންޞާފު ޤާއިމުކުރުމުގެ ބާރުގެ އެންމެ އިސް ފަރާތުގެ ޙައިސިއްޔަތުން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ލިބިދޭ ޤާނޫނުއަސާސީ އާއި ޤާނޫނުތަކުގެ ބެލެނިވެރިކަމުގެ ހައިޘިއްޔަތުގެ މައްޗަށާއި ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) 22 ވަނަ މާއްދާގެ (ހ) އާއި (ށ) ގެ ދަށުން ޢަދުލު އިންޞާފުގެ ބޭނުން ނަހަމަ ގޮތުގައި ހިފިޔަނުދިނުން ކަށަވަރުކުރުމަށްޓަކައި ބެލެނިވެރިކަމުގެ އިޚްތިޞާޞްގެ ދަށުން މަތީ މަރުޙަލާގެ ކޯޓުތަކުން ފިޔަވަޅު އެޅުމުގައި ޢަމަލުކުރަންޖެހޭ ގޮތުގެ ޤަވާޢިދުގެ މައްޗަށް ރިޢާޔަތްކޮށް ސިވިލް ކޯޓުގެ ނަންބަރު 1041/Cv-C/2014 ޤަޟިއްޔާގައި ހުށަހެޅިފައިވާ ދަޢުވާއަކީ ބާޠިލް ދަޢުވާއެއްކަމަށް ކަނޑައަޅައި، އެ ޤަޟިއްޔާގެ ދަޢުވާ ފޯމް ބާޠިލްކޮށް އެ ޤަޟިއްޔާގެ ފައިލް ވަގުތުން ބަންދުކުރުމަށްފަހު ކަމާބެހޭ ފަރާތްތަކަށް އެކަން އެންގުމަށް ސިވިލް ކޯޓަށް އަންގާ އަމުރުކޮށްފީމެވެ."

އަލުން ބަލައިދިނުމަށް އެދި ހުށަހެޅި ސަބަބުތައްސުޕްރީމް ކޯޓުގެ ނަންބަރު 2015/SC-SJ/08 ކޯޓު އަމުރު ނެރެފައިވަނީ ޤާނޫނީގޮތުން ރަނގަޅަށް ނޫންކަމަށް ބުނެ މި އަމުރު އަލުން ބަލައި ދިނުމަށް އެދި އެސްޓޭޓް އިންޓަނޭޝަނަލްގެ ފަރާތުން ސުޕްރީމް ކޯޓުގައި އަންނަނިވި 4 (ހަތަރެއް) ސަބަބު ފާހަގަކޮށް ވާހަކަދައްކާފައިވެއެވެ. އެއީ؛

26.1 އެސްޓޭޓް އިންޓަރނޭޝަނަލްއިން ދަޢުވާ ދޫކޮށްލާފައިނުވަނީސް، ދައުލަތް ފިޔަވައި އެހެން ފަރާތްތަކުން ދަޢުވާއާއި މައްސަލަ ޝަރީޢަތަށް ހުށަހެޅުމާ ބެހޭ ޤާނޫނުއާ ކަނޑައެޅިގެން ޚިލާފަށް ދަޢުވާ ފޯމު ބާތިލުކޮށްފައިވާކަމަށް ބުނެ ހުށަހެޅި ސަބަބާއި؛

26.2 ސުޕްރީމް ކޯޓުގެ ނަންބަރު 2015/SC-SJ/08 ކޯޓު އަމުރުގެ ސަބަބުން އެސްޓޭޓް އިންޓަރނޭޝަނަލްއަށް ލިބެންޖެހޭ ގިނަ އަދަދެއްގެ ފައިސާ ލިބޭނެ މަގު އެއްކޮށް ބަންދުވެ، އިސްތިއުނާފުކުރުމުގެ ޙައްޤުންވެސް މަޙުރޫމުވެފައިވާކަމަށް ބުނެ ހުށަހެޅި ސަބަބާއި؛

26.3 އެސްޓޭޓް އިންޓަރނޭޝަނަލްއިން ސިވިލް ކޯޓަށް ހުށަހެޅި ނަންބަރު 1041/Cv-C/2014 ގަޒިއްޔާގެ ފައިލު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ގެންގޮސް، އެ މައްސަލައިގައި ސުޕްރީމް ކޯޓުގެ ނަންބަރު 2015/SC-SJ/08 ކޯޓު އަމުރު ނެރެފައިވަނީ ޝަރީޢަތްކުރުމުގެ ޢާންމު އުޞޫލާ ޚިލާފަށް އެސްޓޭޓް އިންޓަރނޭޝަނަލްގެ ބަހެއް ހޯދުމެއްނެތި، އެސްޓޭޓް އިންޓަރނޭޝަނަލްއަށް އެއްވެސް ފުރުޞަތެއްވެސް ދިނުމަކާއި ނުލާ ކަމަށާއި، މިއީ ފާޅުވެގެންވާ ބޭއިންސާފެއްކަމަށް ބުނެ ހުށަހެޅި ސަބަބާއި؛

26.4 ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 142 ވަނަ މާއްދާއާ ޚިލާފަށް އަދި ޝަރީޢަތްކުރުމުގެ ޢާންމު އުޞޫލުތަކާއި އިޖުރާޢަތުތަކާއި ޚިލާފަށް ޢަމަލުކޮށް އިސްތިއުނާފުކުރުމާއި އަމިއްލަ ދިފާޢުގައި ބަސްބުނުމާއި، ޙައްޤު ފައިސާ ލިބިގަތުމަށް މަސައްކަތްކުރުމުގެ އަސާސީ ޙައްޤުންވެސް އެސްޓޭޓް އިންޓަރނޭޝަނަލް މަޙުރޫމުކޮށް މައްސަލައިގެ ދަޢުވާކުރުމުގެ ޙައްޤު ދާއިމަށް ބަންދުކޮށް އެސްޓޭޓް އިންޓަރނޭޝަނަލްގެ މުޠުލަޤު ޙައްޤެއް އުސާމަތު އިސްމާޢީލްއަށް ޝަރީޢަތަކާއި ނުލައި ނާޖާއިޒު ގޮތެއްގައި މިލްކުކޮށްދީފައިވުމަކީ އެސްޓޭޓް އިންޓަރނޭޝަނަލްއަށް ފާޅުވެގެންވާ ބޭއިންސާފަކަށްވާކަމަށް ބުނެ ހުށަހެޅި ސަބަބެވެ.

ބަޔާންވެދިޔަ ނުކުތާތަކާމެދު އުސާމަތު އިސްމާޢީލްގެ ފަރާތުން ޖުމްލަގޮތެއްގައި ފާހަގަކޮށްފައިވަނީ، ސުޕްރީމް ކޯޓުގެ ނިންމުމަކީ، ދައުލަތް ފިޔަވައި އެހެން ފަރާތްތަކުން ދަޢުވާއާއި މައްސަލަ ޝަރީޢަތަށް ހުށަހެޅުމާ ބެހޭ ޤާނޫނުގެ 2 ވަނަ މާއްދާއާ އެއްގޮތަށް ނިންމާފައިވާ ނިންމުމެއްކަމަށާއި، އަދި މިހާރު ޢަމަލުކުރަމުންދާ އުޞޫލުތަކަށް ބަލާއިރުވެސް، ދަޢުވާ ހުށަހަޅާ ފަރާތްތަކަށް ބޭނުން އިރަކު ދަޢުވާ އަނބުރާ ގެންގޮސް އަލުން ހުށަހެޅުމަށް ޤާނޫނު ހުއްދަނުކުރާކަމަށާއި، ނިޒާމުގެ ބޭނުން ނަހަމަ ގޮތުގައި ހިފުން ހުއްޓުވުމަށްޓަކައި އެޅެން ހުރި ފިޔަވަޅުތައް އެޅުމަކީ ސުޕްރީމް ކޯޓަށާއި ހައިކޯޓަށް ލިބިގެންވާ ބާރެއްކަމަށާއި، އެ ގޮތުން، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 22 ވަނަ މާއްދާގެ (ހ) ގެ ދަށުންނާއި އަދި 48 ވަނަ މާއްދާގެ (ހ) ގެ ދަށުން ސުޕްރީމް ކޯޓަށާއި ހައިކޯޓަށް އޮންނަ މަސްއޫލިއްޔަތުތައް ފާހަގަކުރާކަމަށާއި، އަދި ރެސްޖުޑިކާޓާގެ މަބްދައު މި މައްސަލައަށް ތަތްބީޤުކުރުމުން އެސްޓޭޓް އިންޓަރނޭޝަނަލްއިން އެދޭގޮތަށް ސިވިލް ކޯޓުގެ ނަންބަރު 1041/Cv-C/2014 ގަޒިއްޔާ ކުރިއަށް ގެންދިއުމަށް ޤާނޫނު ތަންނުދޭކަމަށެވެ. މީގެ އިތުރުން، އުސާމަތު އިސްމާޢީލްގެ މައްޗަށް އެސްޓޭޓް އިންޓަނޭޝަނަލްއިން އޭގެ ކުރިން ޖިނާއީ ގޮތުން ފިޔަވަޅު އަޅަން މަސައްކަތްކޮށްފައި އޮތްއޮތުމާއި އެ މައްސަލައާ ގުޅޭ މަދަނީ 5 (ފަހެއް) ދަޢުވާ އުސާމަތު އިސްމާޢީލްގެ މައްޗަށް ހުށަހެޅިކަން އުސާމަތު އިސްމާޢީލްގެ ފަރާތުން ފާހަގަކޮށްފައިވެއެވެ. އަދި މިއީ މި މައްސަލައިގައި ކަންހިނގާފައިވާގޮތުން، އެސްޓޭޓް އިންޓަނޭޝަނަލްގެ ފަރާތުން ނިޒާމުގެ ބޭނުން ނަހަމަ ގޮތުގައި ހިފުން ކަމަށެވެ. އަދި އެއިރުގެ ސުޕްރީމް ކޯޓުން ޢަމަލުކޮށްފައިވަނީ ބެލެނިވެރިކަމުގެ އިޚްތިޞާޞްގެ ދަށުން މަތީ މަރުހަލާ ކޯޓުތަކުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގައި ޢަމަލުކުރަންވީގޮތުގެ ގަވާއިދުގެ ދަށުން ބާރު ލިބިގެންކަމަށެވެ.

ބެލެނިވެރިކަމުގެ އިޚްތިޞާޞްގެ ދަށުން މަތީ މަރުހަލާ ކޯޓުތަކުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގައި ޢަމަލުކުރަންވީ ގޮތުގެ ގަވާއިދުބެލެނިވެރިކަމުގެ އިޚްތިޞާޞްގެ ދަށުން މަތީ މަރުހަލާ ކޯޓުތަކުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގައި ޢަމަލުކުރަންވީގޮތުގެ ގަވާއިދު (މީގެ ފަހުން "ބެލެނިވެރިކަމުގެ އިޚްތިޞާޞްއާ ބެހޭ ގަވާއިދު") އަކީ ސުޕްރީމް ކޯޓުގެ ނަންބަރު 2010/01/SC ސަރކިއުލަރއިން 21 މާރޗް 2010 ގައި ޢާންމުކުރި ގަވާއިދެކެވެ.

މި ގަވާއިދުގެ ދަށުން، ދަށު ކޯޓެއްގައި ހިނގަމުންދާ މައްސަލައެއްގެ އިޖުރާއަތު ހިނގަނީ ރަނގަޅަށްކަން ނުވަތަ ނޫންކަން ބެލުމަށްޓަކައި، މައްސަލައިގެ ފައިލު މަތީ މަރުހަލާ ކޯޓަކަށް އެ ކޯޓުގެ އަމިއްލަ އިސްނެގުމަކަށް ނުވަތަ މައްސަލައިގެ ޚަޞްމެއްގެ ފަރާތުން އެދިގެންވިޔަސް ގެނެސް ފިޔަވަޅު އެޅުމުގެ ބާރު ހައިކޯޓަށާއި ސުޕްރީމް ކޯޓަށް ލިބިދެއެވެ.

މި ގަވާއިދު ވުޖޫދުވި ސަރކިއުލަރ 10 އޮކްޓޫބަރު 2020 ގައި ވަނީ އުވާލެވިފައެވެ. 21 މާރޗް 2010 ގައި ޢާންމުކުރި މި ގަވާއިދުގެ ދަށުން ހާސިލުވިކަމަކީ، ދަށު ކޯޓުތަކުގައި ހިނގަ ހިނގާހުރި މައްސަލަތަކުގައި އެ ކޯޓުތަކުން ވަކި ގޮތެއް ކަނޑައެޅުމުގެ ފުރުސަތު ދިނުމެއްނެތި، ސުޕްރީމް ކޯޓުން މައްސަލަތަކުގައި ގޮތް ކަނޑައެޅިގެންދިޔުމެވެ.

ދަށު މަރުހަލާތަކުގައި ހިނގަމުންދާ ޝަރީޢަތްތަކުގައި އެ ކޯޓުތަކުން ޙުކުމަކާ ނުވަތަ ނިންމުމަކާ ހަމައަށް ވާސިލުވިޔަދިނުމެއް ނެތި، މަތީ މަރުހަލާ ކޯޓުތަކުން ގޮތް ކަނޑައެޅުމުގެ ގަވާއިދު ފަރުމާކުރެވިފައިވަނީ ކޮން ދީމިޤްރާތީ މުޖްތަމަޢެއްގައި ޢަމަލުކުރިގޮތަށް ބިނާވެގެންކަން ސާފުވާން ނެތް ނަމަވެސް، ބެލެނިވެރިކަމުގެ އިޚްތިޞާޞްއާ ބެހޭ ގަވާއިދު ޢާންމުކުރިތާ 7 (ހަތެއް) މަސް ފަހުން، 21 އޮކްޓޯބަރު 2010 ގައި ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު (މީގެ ފަހުން "ކޯޓުތަކުގެ ޤާނޫނު") ރައީސުލްޖުމްހޫރިއްޔާ ތަސްދީޤުކޮށްފައިވެއެވެ.

ކޯޓުތަކުގެ ޤާނޫނުގެ ދަށުން ތައާރުފުވެގެން ދިޔައީ ދިވެހިރާއްޖޭގެ ކޯޓުތަކުގެ އިޚްތިޞާޞްއާއި މައްސަލަ ބެލުން ތަރުތީބުވެގެންވާގޮތެވެ. އެގޮތުން ދަށު މަރުހަލާ ކޯޓަކުން ނިންމާ ނިންމުމަކީ ޤާނޫނީ އުސޫލަކާ ޚިލާފަށް ނިންމާ ނިންމުމެއްކަމަށް ދެކޭނަމަ، އެކަން ހައިކޯޓުގައި އިސްތިއުނާފުކުރުމުގެ ފުރުސަތު މައްސަލައިގެ ދެފަރާތަށްވެސް ލިބިގެންވެއެވެ. ހަމަ އެފަދައިން، ހައިކޯޓު މަރުހަލާގައިވެސް ނިންމާ ނިންމުންތައް ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރުމުގެ ފުރުސަތު މައްސަލައިގެ ދެފަރާތަށް އޮވެއެވެ.

މީގެ އިތުރުން އަލަށް ތައާރަފުވި ކޯޓުތަކުގެ ޤާނޫނުގެ ދަށުން ކޯޓުތަކުގެ ޙުކުމާއި މައްސަލައާ ގުޅުންހުރި ނިންމުންތަކުގެ އިތުރުން، އެކި މަރުހަލާތަކުގެ ކޯޓުތަކަށް މައްސަލަ ބަލައިނުގަތުމަށް ނިންމާ ނިންމުންތަކަކީވެސް އެއީ އެއަށްވުރެ މަތީ މަރުހަލާ ކޯޓުތަކުގައި އިސްތިއުނާފުކުރެވޭނެ މައްސަލަ ކަމުގައި ކަނޑައެޅިގެންދިޔައެވެ. އެހެންކަމުން، މައްސަލައެއް ޤާނޫނާ ޚިލާފަށް ހިނގާކަމަށް މައްސަލައިގެ އެއްވެސް ފަރާތަކަށް ފެނިއްޖެނަމަ، ކޯޓުތަކުގެ ޤާނޫނުގެ ދަށުން އެކަމެއް އިސްތިއުނާފުކުރުމުގެ ފުރުސަތު ލިބިދެވެއެވެ.

ކޯޓުތަކުގެ ޤާނޫނުގެ 22 ވަނަ މާއްދާގައި ސުޕްރީމް ކޯޓަށް ކޯޓުގެ ޒާތުގައި ލިބިގެންވާ އިޚްތިޞާޞް ބަޔާންކޮށްފައިވެއެވެ. އެގޮތުން ޤާނޫނުއަސާސީއިން ސުޕްރީމް ކޯޓަށް ދީފައިވާ ބާރުތަކުގެ އިތުރުން އަދި އެ ޤާނޫނުގައި ސުޕްރީމް ކޯޓަށް ދީފައިވާ އިޚްތިޞާޞްގެ އިތުރުން އެ މާއްދާގައި އިތުރަށް ބަޔާންކުރާ ކަންކަން ކުރުމުގެ އިޚްތިޞާޞް ސުޕްރީމް ކޯޓަށް ލިބިދެވިފައިވާކަމަށް ބަޔާންކޮށްފައިވެއެވެ.

ކޯޓުތަކުގެ ޤާނޫނުގެ 22 ވަނަ މާއްދާގެ (ހ) ގައި ސުޕްރީމް ކޯޓަށް ހުށަހެޅިފައިވާ މައްސަލައަކާ ނުވަތަ ކަމަކާގުޅޭގޮތުން އެ ޤާނޫނާއި ސުޕްރީމް ކޯޓުގެ ގަވާއިދުގެ ދަށުން ކުރަންޖެހޭ އެންމެހައި އަމުރުތައް ކުރުމާއި އަދި އެފަދަ މައްސަލަތަކާ ނުވަތަ ކަމަކާގުޅޭ ގޮތުން ޢަދުލު އިންސާފު ޤާއިމުކޮށް ދެމެހެއްޓުމަށާއި، ޢަދުލު އިންސާފުގެ ނިޒާމުގެ ބޭނުން ނަހަމަގޮތުގައި ހިފިޔަ ނުދިނުމަށާއި، އަދި ޢަދުލު އިންސާފުގެ ނިޒާމުގެ އިތުބާރު ދެމެހެއްޓުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ ބާރު ސުޕްރީމް ކޯޓަށް ލިބިފައިވާކަމަށް ބަޔާންކޮށްފައިވެއެވެ.

ހަމަ އެފަދައިން، އެ ޤާނޫނުގެ 22 ވަނަ މާއްދާގެ (ށ) ގައި، އެ ޤާނޫނާއި ސުޕްރީމް ކޯޓުގެ ގަވާއިދުގައި ހިމެނޭ އުސޫލުތަކާ އެއްވެސް ފަރާތަކުން ޚިލާފުވެއްޖެނަމަ، ކޯޓުގެ އަމިއްލަ އިސްނެގުމަކަށް ނުވަތަ މައްސަލައިގައި ހިމެނޭ ފަރާތެއްގެ އެދުމުގެ މަތިން، ޢަދުލު އިންސާފު ޤާއިމުކުރުމަށްޓަކައި ނުވަތަ ޢަދުލު އިންސާފުގެ ނިޒާމުގެ ބޭނުން ނަހަމަގޮތުގައި ހިފިޔަނުދިނުމަށްޓަކައި ޤާނޫނާ އެއްގޮތްވާގޮތުގެ މަތިން ނެރެންޖެހޭ އެކިއެކި އަމުރުތައް ނެރުމުގެ ބާރު ސުޕްރީމް ކޯޓަށް ލިބިދެވިފައިވާކަމަށް ބަޔާންކޮށްފައިވެއެވެ.

ކޯޓުތަކުގެ ޤާނޫނުގެ 22 ވަނަ މާއްދާގެ (ހ) އާއި (ށ) ގެ ދަށުން އަލުން ބަލައިދިނުމަށް އެދިފައިވާ އަމުރުފަދަ އަމުރުތައް ނެރުމުގެ ބާރު ސުޕްރީމް ކޯޓަށް ލިބިފައިވާކަމަށް އުސާމަތު އިސްމާޢީލްގެ ފަރާތުން ސުޕްރީމް ކޯޓުގައި ބުނެފައިވެއެވެ. ކޯޓުތަކުގެ ޤާނޫނުގެ 22 ވަނަ މާއްދާގެ (ހ) ގައި އިޝާރާތްކުރަނީ ކޯޓަށް ހުށަހެޅިފައިވާ މައްސަލައެއް ނުވަތަ ކަމަކާ ގުޅޭ ގޮތުން ފިޔަވަޅު އެޅުމުގެ ބާރަށެވެ. މި މާއްދާގެ ތެރެއަށް އެއްވެސް ޤާނޫނަކާ، އަދި ޚާއްސަކޮށް ކޯޓުތަކުގެ ޤާނޫނާ ޚިލާފަށް ހުށަހެޅޭ މައްސަލަތައް ވަންނާނެކަމަކަށް އަހުރެން ނުދެކެމެވެ. ހަމަ އެފަދައިން، ކޯޓުތަކުގެ ޤާނޫނުގެ 22 ވަނަ މާއްދާގެ (ށ) އިޝާރާތްކުރަނީ އެ ޤާނޫނާއި ސުޕްރީމް ކޯޓުގެ ގަވާއިދުގައިވާ އުސޫލުތަކާ އެއްވެސް ފަރާތަކުން ޚިލާފުވެއްޖެނަމަ ޤާނޫނާ އެއްގޮތްވާގޮތުގެ މަތިން އަމުރުނެރުމުގެ ބާރަށެވެ. މި އަކުރުގެ ދަށުންވެސް، ސުޕްރީމް ކޯޓަށް ލިބިދެވިފައިވާ ބާރަކީ ކޯޓުތަކުގެ ޤާނޫނާއި ސުޕްރީމް ކޯޓުގެ ގަވާއިދުގެ އިމުގެ ތެރެއިން ފިޔަވަޅު އެޅުމުގެ ބާރެވެ. ޤާނޫނުގައި ޢަމަލުކުރަންޖެހޭ އިޖުރާއަތާ ޚިލާފަށް އަމުރުނެރުމުގެ ބާރު ސުޕްރީމް ކޯޓަށް ލިބިދެވިފައިނުވެއެވެ.

އެސްޓޭޓް އިންޓަނޭޝަނަލްގެ ފަރާތުން އަލުން ބަލައިދިނުމަށް އެދިފައިވާ ސުޕްރީމް ކޯޓުގެ ނަންބަރު 2015/SC-SJ/08 ކޯޓު އަމުރު ނެރެފައިވަނީ 6 އޯގަސްޓް 2015 ގައެވެ. މިއީ ކޯޓުތަކުގެ ޤާނޫނަށް ޢަމަލުކުރަންފެށިތާ 5 (ފަހެއް) އަހަރާ ގާތްކުރާ މުއްދަތެކެވެ. ދިވެހިރާއްޖޭގެ ޤާނޫނީ މަސްދަރުތައް ތަރުތީބުވެފައިވާ ގޮތަށް ބަލާއިރު، ޤާނޫނުއަސާސީއާ ފުށުއަރާ ޤާނޫނެއް ނުހެދޭނެފަދައިން، ޤާނޫނަކާ ފުށުއަރާގޮތަށް ގަވާއިދެއް ނުހެދޭނެއެވެ. ހަމަ އެފަދައިން، ގަވާއިދެއް އެއީ ކުރިން ހަދާފައިވާ އެއްޗަކަށްވިނަމަވެސް، ޤާނޫނެއްގެ މައްޗަށް ގަވާއިދެއް ނުހިނގާނެއެވެ.

ހުށަހަޅާފައިމިވާ މައްސަލައިގައިވާ އަމުރު ސުޕްރީމް ކޯޓުން ނެރުނުއިރު، ދަށު މަރުހަލާގައި ހިނގަމުން އަންނަ މައްސަލައެއް ހިނގަމުންދަނީ ރަނގަޅަށްތޯ ނުވަތަ ނޫންތޯ ބެލުމަށްކަމަށްބުނެ މައްސަލައިގެ ފައިލު ސުޕްރީމް ކޯޓަށް ގެނެސް، އެ މައްސަލައިގައި ޤާނޫނީ ފިޔަވަޅު އެޅުމަކީ އެއްވެސް ޝައްކެއްނެތި ޤާނޫނު ހުއްދަކުރާކަމެއް ނޫނެވެ. ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 142 ވަނަ މާއްދާގެ ދަށުން، ފަނޑިޔާރުން ޢަމަލުކުރަންވާނީ ޤާނޫނުއަސާސީއާއި ޤާނޫނަށެވެ. ބެލެނިވެރިކަމުގެ ނަމުގައިވެސް، ޤާނޫނު އެއްފަރާތްކުރުމުގެ ބާރު އެއްވެސް ފަނޑިޔާރަކަށް ޤާނޫނު އަސާސީންވެސް އަދި ޤާނޫނަކުންވެސް ލިބިދެވިފައިނުވެއެވެ.

މިފަދަ ކަމެއް ކުރުމަށް ސުޕްރީމް ކޯޓަށް ބާރު ލިބިފައިނެތުމުގެ ބަހުސް މިވަގުތަށް އެއްފަރާތްކޮށްފައި، އެސްޓޭޓް އިންޓަނޭޝަނަލްގެ ފަރާތުން މި މައްސަލަ އަލުން ބަލައިދިނުމަށް އެދުނު މައިގަނޑު ނުކުތާތަކަށް ރިޢާޔަތްކުރާނަމެވެ.

އަލުން ބަލައިދިނުމަށް އެދޭ އަމުރު ނެރުނުއިރު ސުޕްރީމް ކޯޓުން ޢަމަލުކޮށްފައިވަނީ ބެލެނިވެރިކަމުގެ އިޚްތިޞާޞްއާ ބެހޭ ގަވާއިދާ އެއްގޮތްވާގޮތުގެ މަތިންތޯ(ހ) ދަށު މަރުހަލާ ކޯޓެއްގައި ހިނގާ އިޖުރާއަތު ބެލުންސުޕްރީމް ކޯޓުގެ ބެލެނިވެރިކަމުގެ އިޚްތިޞާޞްއާބެހޭ ގަވާއިދުގެ ތަޢާރުފުގައި އެ ގަވާއިދުގެ މަޤުޞަދު ބަޔާންކޮށްފައިވެއެވެ. އެގޮތުން، އެގަވާއިދަކީ ދަށު މަރުހަލާ ކޯޓެއްގައި ހިނގަމުންދާ މައްސަލައެއްގެ އިޖުރާއަތު ހިނގަނީ ރަނގަޅަށްކަން ނުވަތަ ނޫންކަން ކަނޑައެޅުމަށްޓަކައި މަތީ މަރުހަލާ ކޯޓެއްގެ އަމިއްލަ އިސްނެގުމަކަށް ނުވަތަ މައްސަލައެއްގެ ޚަސްމެއް އެދުމުން، އެކަންކަން މަތީ މަރުހަލާ ކޯޓުން ބެލެނިވެރިކަމުގެ އިޚްތިޞާޞްގެ ދަށުން ބެލުމުގައި ޢަމަލުކުރަންވީ ގޮތުގެ އުސޫލު ކަނޑައަޅާ ގަވާއިދުކަމަށް ބަޔާންކޮށްފައިވެއެވެ.

ހަމަ އެފަދައިން، އެ ގަވާއިދުގެ 2 ވަނަ މާއްދާގައި ބެލެނިވެރިކަމުގެ އިޚްތިޞާޞްގެ ދަށުން އަޅާ ފިޔަވަޅަކީ ހިނގަހިނގާ ހުންނަ ޝަރީޢަތްތަކުގެ އަސްލު މައުލޫއު ބެލުމަށް ނުވަތަ އެމައްސަލައަކާ ގުޅިގެން ކުރަންޖެހޭ ފައިޞަލާ ކުރަނިވި ޙުކުމަކަށް ސީދާކޮށް ނުވަތަ ނުސީދާކޮށް ވިޔަސް އިޝާރާތްކުރާ ފިޔަވަޅަކަށްވެގެން ނުވާނެކަމަށް ބަޔާންކޮށްފައިވެއެވެ.

ބެލެނިވެރިކަމުގެ އިޚްތިޞާޞްއާބެހޭ ގަވާއިދުގެ ތައާރުފާއި 2 ވަނަ މާއްދާއަށް ބަލާއިރު، އެ ގަވާއިދަކީ ދަށު މަރުހަލާ ކޯޓެއްގައި ހިނގަ ހިނގާ އޮތް މައްސަލައެއްގެ އިޖުރާއަތު ރަނގަޅުކަން ނުވަތަ ނޫންކަން މަތީ މަރުހަލާ ކޯޓަކުން ކަނޑައެޅުމާބެހޭ ގަވާއިދެއްކަން އެނގެއެވެ. އަދި އެ ގަވާއިދުގެ 2 ވަނަ މާއްދާގެ ސަރީހަ އިބާރާތުން، އެ މައްސަލައަކާ ގުޅިގެން ކުރަންޖެހޭ ފައިސަލާކުރަނިވި ޙުކުމަކަށް ސީދާކޮށް ނުވަތަ ނުސީދާކޮށް ވިޔަސް އަސަރުކުރާފަދަ ފިޔަވަޅެއް މަތީ މަރުހަލާ ކޯޓަކުން އަޅައިގެން ނުވާނެކަމަށް ބަޔާންކޮށްފައިވެއެވެ.

ސުޕްރީމް ކޯޓުގެ ނަންބަރު 2015/SC-SJ/08 ކޯޓު އަމުރުގެ ނަތީޖާއަކީ ސިވިލް ކޯޓުން ގޮތެއް ކަނޑަނާޅާ ގަޒިއްޔާއެއް ބާޠިލުކުރުމެވެ. ސިވިލް ކޯޓުގައި އެ ކޯޓުގެ ނަންބަރު 1041/Cv-C/2014 ގަޒިއްޔާގައި އިޖުރާއަތު ހިނގަނީ ރަނގަޅަށްތޯ ބެލުމުގެ ބަދަލުގައި، ނުވަތަ އެ މައްސަލައިގެ އިޖުރާއަތު ގޯސްކޮށް ހިނގާނަމަ، މައްސަލަ ހިންގަންޖެހޭ ގޮތުގެ އިރުޝާދެއް ބެލެނިވެރިކަމުގެ އިޚްތިޞާޞްއާބެހޭ ގަވާއިދުގެ ދަށުން ދިނުމުގެ ބަދަލުގައި، ސުޕްރީމް ކޯޓުގެ އަމުރުން ކަނޑައަޅާފައިވަނީ ސިވިލް ކޯޓުގެ ގަޒިއްޔާގެ ދަޢުވާ ފޯމު ބާޠިލުކޮށް އެ ގަޒިއްޔާގެ ފައިލު ބަންދުކުރުމަށެވެ.

ވުމާއެކު، ސުޕްރީމް ކޯޓުން މި ކޯޓުގެ ނަންބަރު 2015/SC-SJ/08 ކޯޓު އަމުރުގައި ސިވިލް ކޯޓުގެ ނަންބަރު 1041/Cv-C/2014 ގަޒިއްޔާގެ ދަޢުވާއަކީ ބާޠިލު ދަޢުވާއެއްކަމަށް ކަނޑައަޅައި، އެ ގަޒިއްޔާގެ ފައިލު ވަގުތުން ބަންދުކުރުމަށް އަމުރުކޮށްފައިވަނީ ބެލެނިވެރިކަމުގެ އިޚްތިޞާޞްއާބެހޭ ގަވާއިދުގެ މަޤުސަދާއި 2 ވަނަ މާއްދާއާ އެއްގޮތްވާގޮތުގެ މަތިންކަމުގައި އަހުރެން ނުދެކެމެވެ.

(ށ) ޚަސްމަކާ ދެކޮޅަށް ނެރޭ އަމުރެއްގައި އެ ޚަސްމުގެ ބަސް ހޯދުން

އެސްޓޭޓް އިންޓަނޭޝަނަލްއިން އުސާމަތު އިސްމާޢީލްގެ މައްޗަށް ދަޢުވާކުރުމުގެ ޙައްޤު ދާއިމަށް ސުޕްރީމް ކޯޓުގެ ނަންބަރު 2015/SC-SJ/08 ކޯޓު އަމުރުން ބަންދުކުރިއިރު، އެސްޓޭޓް އިންޓަނޭޝަނަލްގެ ބަހެއް ހޯދާފައިނުވާކަމަށް އެ ކުންފުނިން ބުނެއެވެ. އަދި އުސާމަތު އިސްމާޢީލްގެ މައްޗަށް އެ ކުންފުންޏަށް ދަޢުވާނުކުރެވޭނެ ކަމަށް އެ ކުންފުންޏަށް އެނގިފައިވަނީ ނޫހުގައި އޮތް ޚަބަރަކުންކަމަށް އެ ކުންފުނިން ބުނެއެވެ.

ބެލެނިވެރިކަމުގެ އިޚްތިޞާޞްއާ ބެހޭ ގަވާއިދުގެ 3 ވަނަ މާއްދާގެ (ނ) ގައި އަމުރެއް ނެރުން ޒަރޫރަތްތެރިވާކަމަށް ފެނިއްޖެ ހިނދެއްގައި އެ ގަވާއިދުގެ ޖަދުވަލުގައި ބަޔާންކުރާ އަމުރުތަކުގެ ތެރެއިން އަމުރެއް ނެރެވިދާނެކަމަށް އެ ގަވާއިދުގައި ބަޔާންކޮށްފައިވެއެވެ. އަދި އެ ގަވާއިދުގެ 3 ވަނަ މާއްދާގެ (ބ) ގެ (2) ވަނަ ނަންބަރުގައި ބެލެނިވެރިކަމުގެ އިޚްތިޞާޞްގެ ދަށުން ޚަސްމަކާ ޚިލާފަށް އަމުރެއް ނެރެން ޖެހިއްޖެކަމަށް ބެލެނިވެރިކަމުގެ އިޚްތިޞާޞް ހިންގި ކޯޓަށް ފެނިއްޖެނަމަ، އެ ޚަޞްމެއްގެ ފަރާތުން އެ މައްސަލައިގައި ބުނާ އެއްޗެއް ބެލުމަށް އަޑުއެހުމެއް ބާއްވަންވާނެކަމަށް ބަޔާންކޮށްފައިވެއެވެ.

ސުޕްރީމް ކޯޓުގެ ނަންބަރު 2015/SC-SJ/08 ކޯޓު އަމުރު އެސްޓޭޓް އިންޓަނޭޝަނަލްއާ ދެކޮޅަށް ނެރުނުއިރު، އެ ކުންފުނީގެ ބަހެއް ހޯދާފައިނުވެއެވެ. އަދި މިކަމަށް އުސާމަތު އިސްމާޢީލްގެ ފަރާތުންވެސް އިންކާރުކޮށްފައިނުވެއެވެ. ސުޕްރީމް ކޯޓުގެ ލިޔެކިއުންތަކުންވެސް މި ކޯޓުގެ ނަންބަރު 2015/SC-SJ/08 ކޯޓު އަމުރު ނެރުމުގެކުރިން އަޑުއެހުމެއް ބާއްވައި އެސްޓޭޓް އިންޓަނޭޝަނަލްގެ ބަހެއް ހޯދާފައިވާކަން އެނގޭކަށްނެތެވެ.

ކޯޓުތަކާބެހޭ ޤާނޫނު ވުޖޫދުވިފަހުން ސުޕްރީމް ކޯޓުގެ ބެލެނިވެރިކަމުގެ އިޚްތިޞާޞްއާ ބެހޭ ގަވާއިދުގެ ޞައްޙަކަމާމެދު އުފެދޭ ސުވާލު މިވަގުތަށް އެއްފަރާތްކުރުމާއެކު، ބެލެނިވެރިކަމުގެ އިޚްތިޞާޞްއާ ބެހޭ ގަވާއިދުގެ ދަށުންވެސް، މައްސަލައިގެ ޚަޞްމުންގެ ބަހެއް ހޯދުމަކީ، ޑިޔު ޕްރޮސެސް ފުރިހަމަ ކުރުމަށްޓަކައި އެ ގަވާއިދުގެ ދަށުންވެސް ކުރުން ލާޒިމުކަމެއްކަން ފާހަގަކުރެވެއެވެ. އަދި ޚާއްސަކޮށް، ދަށު ކޯޓުގައި ހިނގަމުންދާ މައްސަލައެއްގެ އެއް ޚަސްމަކާ ދެކޮޅަށް އަމުރެއް ނެރުން ޒަރޫރަތްތެރިކަމަށް ކޯޓަށް ފެންނަނަމަ، އެ ޚަސްމެއްގެ ފަރާތުން އެ މައްސަލައިގައި ބުނާ އެއްޗެއް ހޯދުމަށްޓަކައި، އަޑުއެހުމެއް ބޭއްވުން އެ ގަވާއިދުގެ 3 ވަނަ މާއްދާގެ (ބ) ގެ (2) ވަނަ ނަންބަރު ލާޒިމުކުރެއެވެ.

މީގެ އިތުރުން، މި ކޯޓުން ނިންމާފައިވާ އިބްރާހީމް ޢަބްދުއްލަޠީފް ވ. އޯނަސް ޕްރައިވެޓް ލިމިޓެޑް ގަޒިއްޔާގައި، އަހުރެންގެ ރައުޔުގައި އިސްލާމްދީނުގައި ޢަދުލުވެރިވުމާއި އަދި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ ދަށުންވެސް ޢަދުލުވެރިކަމާއެކު ޝަރީޢަތްކުރެވުމުގެ ޙައްޤުގެ ތެރޭގައި މައްސަލައިގައި ހިމެނޭ ޚަސްމުންނަށް ބަސްބުނަން ނުވަތަ ދިފާއުވާން ފުރުސަތު ދިނުން ހިމެނޭކަމަށް ފާހަގަކޮށްފައިވާނެއެވެ. މިއީ އަސާސީ ޙައްޤެކެވެ. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުންވިޔަސް އަދި އެނޫން އެހެން ކޯޓަކުންވިޔަސް، ޤާނޫނުގައި ޣައިރު ހާޒިރުގައި މައްސަލައެއް ހިންގިދާނެކަމަށް އިސްތިސްނާކުރެވޭ ހާލަތެއްގައި މެނުވީ، މައްސަލައެއްގެ ޚަސްމެއްގެ ބަހެއް ނުހޯދާ މައްސަލައިގައި ގޮތް ކަނޑައެޅުމަކީ ޤާނޫނު ހުއްދަކުރާކަމެއްނޫނެވެ.

މި މައްސަލައިގައި ކަންހިނގާފައި އޮތް ގޮތަށް ބަލާއިރު، އަލުން ބަލައިދިނުމަށް އެދިފައިވާ އަމުރު ނެރުމުގެ ކުރިއަށް އެސްޓޭޓް އިންޓަނޭޝަނަލްގެ ބަހެއް ސުޕްރީމް ކޯޓުން ހޯދާފައިނުވެއެވެ. އަދި އެ ކުންފުނީގެ ބަހެއް ހޯދުމަށް މަސައްކަތްކޮށްފައިވާކަންވެސް ލިޔެކިޔުމުން އެނގޭކަށްނެތެވެ. އެހެންކަމުން، ސުޕްރީމް ކޯޓުގެ ނަންބަރު 2015/SC-SJ/08 ކޯޓު އަމުރު ނެރެފައިވަނީ ސުޕްރީމް ކޯޓުން އަމިއްލައަށް ހަދާފައިވާ ބެލެނިވެރިކަމުގެ އިޚްތިޞާޞްއާ ބެހޭ ގަވާއިދުގެ 3 ވަނަ މާއްދާގެ (ބ) ގެ (2) ވަނަ ނަންބަރާވެސް ޚިލާފަށް، އަދި އަސާސީ ޙައްޤެއްވެސް ނިގުޅިގެންދާފަދަ ގޮތަކަށެވެ.

(ނ) ސުޕްރީމް ކޯޓުން ނެރުނު އަމުރުގެ ތަބީއަތްސުޕްރީމް ކޯޓުގެ ބެލެނިވެރިކަމުގެ އިޚްތިޞާޞްއާ ބެހޭ ގަވާއިދުގެ 3 ވަނަ މާއްދާގެ (ނ) ގައި އެ މާއްދާގެ (ހ) ގައިވާ މަޢުލޫމާތު ސާފުކުރުމަށްފަހު އަމުރެއްނެރުން ޒަރޫރަތްތެރިވާކަމަށް ފެނިއްޖެ ހިނދެއްގައި އެ ގަވާއިދުގެ ދަށުން ހަދާފައިވާ ޖަދުވަލުގައި ބަޔާންކުރާ އަމުރުތަކުގެ ތެރެއިން އަމުރެއް ބެލެނިވެރިކަމުގެ އިޚްތިޞާޞްގެ ދަށުން މައްސަލަ ބަލާ ކޯޓަށް ނެރެވިދާނެކަމަށް ބަޔާންކޮށްފައިވެއެވެ.

ބެލެނިވެރިކަމުގެ އިޚްތިޞާޞްއާ ބެހޭ ގަވާއިދުގެ ޖަދުވަލުގައި ބަޔާންކޮށްފައިވަނީ އަންނަނިވި ބާވަތްތަކުގެ އަމުރުތަކެވެ؛

މަތީ މަރުހަލާގެ ކޯޓަކުން ބަލަމުންދާ މައްސަލައެއްގައި އެކޯޓަށްވުރެ ދަށު މަރުހަލާގައިވާ ކޯޓަކަށް ނުވަތަ ޓްރައިބިއުނަލަކަށް ނުވަތަ އާންމު އިދާރާއަކަށް ރެކޯޑެއް ނުވަތަ މަޢުލޫމާތެއް ދިނުމަށް ނެރޭ ސަރޝިއަރަރީ އަމުރު

ޤާނޫނާ ޚިލާފަށް ތިމާ ނުވަތަ އެހެން މީހަކު ހައްޔަރުކުރެވިފައިވާކަމަށް ބުނެ ހައްޔަރުން ވީއްލުމަށް އެދި ހުށަހަޅާ މައްސަލައެއްގައި، ހައްޔަރުކުރެވިފައިވާ މީހާއާއި ހައްޔަރުކުރި ފަރާތް ހާޒިރުކޮށް، ހައްޔަރުކުރުމުގެ ބާރު ޤާނޫނީ ގޮތުން އޮތްކަމާއި، ހައްޔަރުކުރުމުގައި ޢަމަލުކޮށްފައިވަނީ އެކަމަށް ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތްވާގޮތުގެ މަތިންކަން ހައްޔަރު ކުރި ފަރާތުން ކޯޓަށް ސާބިތުކޮށްދިނުމަށް ކޯޓުން އަންގައި، އެކަން ސާބިތުކޮށްނުދެވިއްޖެނަމަ ހައްޔަރުކުރެވިފައިވާ މީހާ ދޫކޮށްލުމަށްނެރޭ ހެބިއަސް ކޯޕަސް އަމުރު

ދަށު މަރުހަލާގެ ކޯޓަކަށް ނުވަތަ ސަރުކާރުގެ މުއްވައްޒަފަކަށް ނުވަތަ ދައުލަތުގެ އާންމު މުއައްސަސާއަކަށް ނުވަތަ އިދާރާއަކަށް ނުވަތަ މުވައްޒަފަކަށް ޤާނޫނީ ގޮތުން ކުރުން ލާޒިމްވާ ވަކި ކަމެއް ނުވަތަ ވަކި ކަންތައްތަކެއް ޤާނޫނާ އެއްގޮތަށް އަދާކުރުމަށް ނުވަތަ އެފަދަ ފަރާތެއްގެ މައްޗަށް ޤާނޫނަކުން މަނާކުރާ ވަކިކަމެއް ނުވަތަ ވަކި ކަންތައްތަކެއް ނުކުރުމަށް ނެރޭ މެންޑާމަސް އަމުރު

ދަށު މަރުހަލާގެ ކޯޓަކުން ބަލަމުންދާ މައްސަލައަކީ އެކޯޓުގެ އިޚްތިޞާޞް ނެތް މައްސަލައަކަށްވާނަމަ، ނުވަތަ މައްސަލައެއްގެ ބެލުމުގެ ތެރޭގައި، އެ ކޯޓެއްގެ އިޚްތިޞާޞްއިން ބޭރުވެއްޖެނަމަ، އެ މައްސަލައިގައި އިތުރު ފިޔަވަޅެއް އެކޯޓަކުން ނޭޅުމަށް އަންގާ ރިޓް އޮފް ޕްރޮހިބިޝަން

ހުށަހެޅިފައިމިވާ މައްސަލައިގައި ސުޕްރީމް ކޯޓުން ނެރުނު އަމުރަކީ ދަށު ކޯޓުގައި ހިނގަ ހިނގާ އޮތް މައްސަލައެއް ނުހިންގޭނެކަމަށްބުނެ އެ މައްސަލައިގެ ދަޢުވާ ފޯމު ބާޠިލުކޮށް، މައްސަލައިގެ ފައިލު ބަންދުކުރުމެވެ. މިއީ، ސަރޝިއަރަރީ އަމުރެއް، ނުވަތަ ހެބިއަސް ކޯޕަސް އަމުރެއް، ނުވަތަ މެންޑާމަސް އަމުރެއް ނުވަތަ ރިޓް އޮފް ޕްރޮހިބިޝަންގެ މާނައިގެ ތެރެއަށް ފެތޭ އަމުރެއް ނޫނެވެ.

އަދި ދަށު ކޯޓުގައި ހިނގަ ހިނގާ އޮތް މައްސަލައެއްގައި، އެ ކޯޓަށް ޙުކުމްކުރުމަށް ފުރުސަތު ދިނުމެއްނެތި، މައްސަލައިގެ އެންމެހައި ޚަސްމުންގެ ބަހެއް ނުހޯދައި، ސީދާ އެންމެ މަތީ މަރުހަލާ ކޯޓުން މައްސަލަ ބާޠިލުކުރުމަކީ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގައިވާ ޢަދުލުވެރިކަމާއެކު ޝަރީޢަތްކުރެވުމުގެ މަފްހޫމާވެސް ކަނޑައެޅިގެން ޚިލާފުކަމެކެވެ. ކޯޓުތަކުގެ ޤާނޫނުގެ ދަށުން ދިވެހިރާއްޖޭގައި ޝަރުޢީ ކޯޓެއްގައި މައްސަލަ ބެލުން ތަސައްވުރުކުރެވިފައިވާ ގޮތަކީ ދަށު ކޯޓުގެ ނިންމުމަކީ ޤާނޫނާ ޚިލާފަށް ނިންމާފައިވާ ނިންމުމެއްކަމަށް ޚަސްމަކަށް ޤަބޫލުކުރެވޭނަމަ، އެ ނިންމުމެއް ހައިކޯޓުގައި އިސްތިއުނާފުކުރުމެވެ. އަދި ހައިކޯޓުން ނިންމާ ނިންމުމަކީ އެއީ ޤާނޫނާ ޚިލާފު ނިންމުމެއްކަމަށް ޤަބޫލުކުރެވޭނަމަ، އެ ނިންމުން ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރުމެވެ. މައްސަލަތައް އިސްތިއުނާފުކުރުމުގެ ހަރުފަތްތައް ކަޑައްތުނުކޮށް، ސީދާ އެންމެ މަތީ މަރުހަލާ ކޯޓުން ނެރޭ އަމުރަކުން ދަށު ކޯޓުގައި އޮތް މައްސަލައެއްގެ ދަޢުވާ ބާޠިލުކުރުމަކީ، ކޯޓުތަކުގެ ޤާނޫނާވެސް ޚިލާފުކަމެކެވެ. ކޯޓަކުން މައްސަލައެއް ބަލައިގަތުމަށްފަހު، އެ މައްސަލައަކާ މެދު ގޮތެއް ކަނޑައަޅަންވާނެއެވެ. އެފަދަ ނިންމުމެއްވާންޖެހޭނީ ދަށު ކޯޓުގައި އެ މައްސަލަ ބެލި ފަނޑިޔާރުގެ އަމިއްލަ ނިންމުމަކަށެވެ. ދަށު ކޯޓުން މައްސަލައެއްގައި ޙުކުމެއްކުރުމަށްފަހު، އެ ޙުކުމް ބަދަލުކުރާނަމަ، އެކަން ކުރެވޭނީ އިސްތިއުނާފުގެ މަރުހަލާގެ ތެރެއިން، މަތީ މަރުހަލާ ކޯޓެއްގެ ޙުކުމަކުންނެވެ. ހަމަ އެފަދައިން އިސްތިއުނާފުކުރެވޭ މައްސަލައެއްގެ ތެރޭގައި ކުރިމަތިވާ އެހެން ގަޒިއްޔާއެއް، އެ ގަޒިއްޔާ އިސްތިއުނާފުކުރުމެއް ނެތި ބާތިލެއް ނުކުރެވޭނެއެވެ. މި ބުނެވުނު މޭރުމާ ޚިލާފަށް ޢަމަލުކުރުމުގެ ނަތީޖާއަކަށްވެގެންދާނީ އިސްތިއުނާފުން މައްސަލަ ބެލުމުގެ ތަރުތީބަށް ލޮޅުން އަރައި، ޤާނޫނުގެ ބާރު ކެނޑިގެންދިޔުމެވެ.

ވުމާއެކު، ސުޕްރީމް ކޯޓުގެ ނަންބަރު 2015/SC-SJ/08 ކޯޓު އަމުރަކީ ސުޕްރީމް ކޯޓުގެ ބެލެނިވެރިކަމުގެ އިޚްތިޞާޞްއާ ބެހޭ ގަވާއިދުގައި ބަޔާންކޮށްފައިވާ ބާވަތެއްގެ އަމުރެއް ނޫނެވެ. އަދި ބެލެނިވެރިކަމުގެ ދަށުން މައްސަލައެއް ބަލާނަމަ ޢަމަލުކުރަންވާގޮތް އެ ގަވާއިދުގައި ބަޔާންކޮށްފައިވާއިރު، ސުޕްރީމް ކޯޓުން ޢަމަލުކޮށްފައިވަނީ އެ ގަވާއިދުގެ ދަށުންވެސް ފުރިހަމަކުރަންޖެހޭނެކަމަށް ބަޔާންކޮށްފައިވާ ކަންކަން ފުރިހަމަކުރުމެއްނެތި، އެ ގަވާއިދުގެ އިމުގެ ބޭރުން، އެ ގަވާއިދާ ޚިލާފަށެވެ.

އިޖުރާއަތުގެ ނަހަމަ ބޭނުން ހިފުންސުޕްރީމް ކޯޓުގެ ނަންބަރު 2015/SC-SJ/08 ކޯޓު އަމުރު ނެރެފައިވަނީ އެސްޓޭޓް އިންޓަނޭޝަނަލްގެ ފަރާތުން އިޖުރާއަތުގެ ނަހަމަ ބޭނުންހިފުން ހުއްޓުވައި، އުސާމަތު އިސްމާޢީލްގެ ޙައްޤެއް ހިމާޔަތްކުރުމުގެ ގޮތުންކަމަށް އުސާމަތު އިސްމާޢީލްގެ ފަރާތުން ޖުމްލަ ގޮތެއްގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ބުނެފައިވެއެވެ. އެސްޓޭޓް އިންޓަނޭޝަނަލްގެ ފަރާތުން އިޖުރާއަތުގެ ނަހަމަ ބޭނުން ހިފި ގޮތުގެ ތަފްސީލުގައި އުސާމަތު އިސްމާޢީލްގެ ފަރާތުން ފާހަގަކޮށްފައިވަނީ، އޭނާގެ މައްޗަށް އެންމެ ފުރަތަމަ ކުރި ޖިނާއީ ދަޢުވާއާއި އޭގެ ފަހުން ކުރި ފަސް މަދަނީ ދަޢުވާއެވެ.

މި ގަޒިއްޔާގެ 3 ވަނަ ޕެރެގްރާފުން 21 ވަނަ ޕެރެގްރާފްގެ ނިޔަލަށް އެ ދަޢުވާތަކުގެ ތަފްސީލު ބަޔާންކުރެވިފައިވާނެއެވެ. އެގޮތުން، އެސްޓޭޓް އިންޓަނޭޝަނަލްގެ ފަރާތުން ތަކުރާރުކޮށް ފަސްފަހަރު މަތިން ކޮށްފައިވަނީ ދާދި އެއް ދަޢުވާއެއްކަން ފާހަގަކުރެވެއެވެ. އަދި ދަޢުވާ އިސްލާޙުކުރަންކަމަށް ބުނެ ދަޢުވާ އަނބުރާ ގެންދާ ކޮންމެ ފަހަރަކު، ކުރު މުއްދަތެއްގެ ތެރޭގައި އަލުން ހަމަ އެ ދަޢުވާ އުފުލާކަން ފާހަގަކުރެވެއެވެ. ތަފާތެއްވާނަމަ ތަފާތަކީ ގެއްލުމުގެ ބަދަލު ހިސާބުކުރެވޭ ގޮތެވެ. އެހެން ނޫންނަމަ ދަޢުވާގެ މައުލޫއުއަކީ ހަމަ އެއް މައުލޫއެކެވެ.

ދައުލަތް ފިޔަވައި އެހެން ފަރާތްތަކުން ދަޢުވާއާއި މައްސަލަ ހުށަހެޅުމާ ބެހޭ ޤާނޫނުގެ 2 ވަނަ މާއްދާގައި، ގަޒިއްޔާއެއްގައި ދަޢުވާކުރާ ފަރާތުން ދަޢުވާ ދޫކޮށްލައިފިނަމަ، އަލުން އެ ދަޢުވާ ނުއުފުލޭނެކަމަށް ބަޔާންކޮށްފައިވެއެވެ. ޝަރޫ ލޯންޗް ސަރވިސް ޕްރައިވެޓް ލިމިޓެޑް ވ. ދަ މޮރިޝަސް ކޮމަރޝަލް ބޭންކް (މޯލްޑިވްސް) ޕްރައިވެޓް ލިމިޓެޑް ގަޒިއްޔާގައި ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންގެ ރައުޔުގެ 26 ވަނަ ޕެރެގްރާފްގައި، ރާއްޖޭގައި ޒަމާނުއްސުރެ ޢަމަލުކުރަމުން އަންނަގޮތަށް ބަލާއިރު، ދަޢުވާ އަނބުރާ ގެންދިޔުމުގެ ދެ ގޮތެއްވާކަން ފާހަގަކޮށްފައިވެއެވެ. ފުރަތަމަ ގޮތަކީ އަލުން ހުށަނާޅާ ގޮތަށް މައްސަލަ އަނބުރާ ގެންދިޔުން ކަމުގައިވާއިރު، ދެވަނަ ގޮތަކީ އަލުން ހުށަހަޅާނެކަމަށް ބަޔާންކޮށް ދަޢުވާ އަނބުރާ ގެންދިޔުމެވެ.

އެގޮތުން ދައުލަތް ފިޔަވައި އެހެން ފަރާތްތަކުން ދަޢުވާއާއި މައްސަލަ ހުށަހެޅުމާ ބެހޭ ޤާނޫނުގެ 2 ވަނަ މާއްދާ ތަތުބީޤުވާ ހާލަތަކީ އަލުން ހުށަހަޅާނެކަމަށް ބަޔާންނުކޮށް ދަޢުވާ އެއްކޮށް އަނބުރާ ގެންދާ ހާލަތްތަކަށްކަމަށް ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންގެ ރައުޔުގައި ބަޔާންކޮށްފައިވެއެވެ. ދަޢުވާ އިސްލާޙުކުރަންކަމަށް ބުނެ ދަޢުވާ އަނބުރާ ގެންދާ ހާލަތްތަކަށް އެ މާއްދާ ތަޠުބީޤުނުކުރެއެވެ. މި ވިސްނުމަށް ޝަރީޢަތްކުރުމާބެހޭ ގަވާއިދުގެ 15 ވަނަ މާއްދާގެ 4 ވަނަ ނަންބަރުން ބާރު ލިއްބައިދޭކަމަށް އަހުރެން ދެކެމެވެ.

ޝަރީޢަތްކުރުމާބެހޭ ގަވާއިދުގެ 15 ވަނަ މާއްދާގައި ބަޔާންވެފައިވަނީ ދަޢުވާ ފޯމު ބާޠިލުކުރެވިދާނެ ޙާލަތްތަކެވެ. އެ މާއްދާގެ 4 ވަނަ ނަންބަރުގައިވަނީ "ހުށަހެޅި ފަރާތުން ދަޢުވާ ދޫކޮށްލުން ނުވަތަ ބާޠިލުކޮށްދިނުމަށް އެދުން" މިފަދައިންނެވެ. މި އިބާރާތުން ދޭހަވަނީ ދަޢުވާކުރާ ފަރާތުގެ ކިބައިން ދަޢުވާ އެއްކޮށް ދޫކޮށްލުމުގެ ނުވަތަ ބާޠިލުކުރަން ބޭނުންވުމުގެ ނިޔަތް އޮތުމެވެ. ފަހުން މައްސަލައެއް ހުށަހަޅަން ގަސްތުކުރާނަމަ، ދަޢުވާ އަނބުރާ ގެންދަމުން އެކަން ހާމަކުރަންޖެހެއެވެ. އެހެންނަމަވެސް، މިކަން ހިނގަންވާނީ އިމެއް ނެތް ގޮތަކަށް، އަނެކާގެ ޙައްޤެއް ނިގުޅިގެންދާފަދަ ގޮތަކަށްނޫނެވެ.

އުސާމަތު އިސްމާޢީލްގެ މައްޗަށް އެސްޓޭޓް އިންޓަނޭޝަނަލްގެ ފަރާތުން އެތައް ދަޢުވާއެއް އުފުލައި، އެ ދަޢުވާތައް އިސްލާހުކުރުމަށްޓަކައި ކަމަށް ބުނެ އެ ދަޢުވާތައް އަނބުރާ ގެންދިޔައިރު، ދަޢުވާ އަނބުރާ ގެންދާ ހާލަތުގައި ޢަމަލުކުރާނެ ވަކި އުސޫލެއް ދިވެހިރާއްޖޭގައި އެއިރު ބަޔާންކޮށްފައިނުވެއެވެ. އެހެންނަމަވެސް 2022 ޖޫން މަހުގައި ޢަމަލުކުރުމަށް ހަމަޖެހިފައިވާ މަދަނީ އިޖުރާއަތުގެ ޤާނޫނުގައި ދަޢުވާ އަނބުރާ ގެންދާ ހާލަތްތަކުގައި ޢަމަލުކުރަންޖެހޭ އުސޫލު އެ ޤާނޫނުގެ ތޭވީސްވަނަ ބާބުގައި ބަޔާންކޮށްފައިވެއެވެ. އައު ޤާނޫނުގެ ދަށުން ދަޢުވާއެއް ބޭނުން ވަގުތަކު އަނބުރާ ގެންގޮސް ބޭނުން ވަގުތަކު އަލުން ހުށަހެޅުމުގެ ފުރުސަތު ބޮޑު ތަނުން ހަނިކުރެވިފައިވާކަން ފާހަގަކުރެވެއެވެ. ނަތީޖާއެއްގެ ގޮތުން، އިރު އިރުކޮޅުން ދަޢުވާކޮށް، ދަޢުވާ އަނބުރާ ގެންދިޔުމުގެ ފުރުސަތު ހަނިވެ، ނިޒާމުގެ ނަހަމަ ބޭނުންކުރުމުގެ އިހުތިމާލު ކުޑަވެގެންދެއެވެ.

މީގެ އިތުރުން، މިހާރުވެސް ދިވެހިރާއްޖޭގެ ކޯޓުތަކުން ތަޠުބީޤުކުރާ ރެސް ޖުޑިކާޓާގެ މަބްދަޢުގެ ދަށުންވެސް އިޖުރާއަތުގެ ނަހަމަ ބޭނުން ހިފުން (abuse of process) ހުއްޓުވުމުގެ ފުރުސަތު ކޯޓުތަކަށް އޮތްކަން ފާހަގަކުރަމެވެ.

އެހެންނަމަވެސް، ހުށަހެޅިފައިމިވާ މައްސަލައަށް މި އުސޫލުތައް ސުޕްރީމް ކޯޓުން ތަޠުބީޤުކުރުންވާނީ ކޯޓުތަކުގެ ޤާނޫނުގެ ދަށުން އެކި މަރުހަލާތަކުގެ ކޯޓުތަކުން މައްސަލަ ބެލުމުގެ ތަރުތީބާ ޚިލާފުވާނެކަމަކަށެވެ.

ސިވިލް ކޯޓުގެ ނަންބަރު 1041/Cv-C/2014 ގަޒިއްޔާގެ ޝަރީޢަތް ހިނގަމުންދިޔައިރު، އުސާމަތު އިސްމާޢީލްގެ ފަރާތުން މި މައްސަލައާ ގުޅިގެން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ފާހަގަކޮށްފައިވާ ނިޒާމުގެ ނަހަމަ ބޭނުން ހިފުމުގެ ޢަމަލުތައް، ސިވިލް ކޯޓުގެ ޝަރީޢަތަށް ހުށަހެޅުމުގެ ފުރުސަތު އޮތްކަން ފާހަގަކުރެވެއެވެ. އަދި އެކަމަށް ސިވިލް ކޯޓު މަރުހަލާއިން ހައްލެއް ނުލިބުނުނަމަ، އެ ނުކުތާ ހައިކޯޓުގައި އިސްތިއުނާފުކުރުމުގެ ފުރުސަތުވެސް އޮންނާނެކަން ފާހަގަކުރަމެވެ. ކޯޓުތަކުގެ ޤާނޫނު ތަސައްވުރުކުރާ ގޮތަށް އެންމެ ދަށު ކޯޓުން ހައްލެއް ނުލިބުމުން، އިސްތިއުނާފީ ކޯޓަކަށް އެ މައްސަލަ ހުށަހެޅުމުގެ ފުރުސަތު އޮތެވެ.

ނަމަވެސް މި މައްސަލައިގައި ސުޕްރީމް ކޯޓުން ދަށު ކޯޓުގައި ހިނގަމުންދިޔަ މައްސަލައެއްގެ ދަޢުވާ ފޯމު ބާޠިލުކޮށް، އެ މައްސަލައިގެ ފައިލު ބަންދުކޮށްފައިވަނީ ޤާނޫނުގައިވާ އުސޫލުތަކާ ޚިލާފަށެވެ. މައްސަލައެއްގައި ނިޒާމުގެ ނަހަމަ ބޭނުން ބަޔަކު ހިފިނަމަވެސް، އެ ޝަކުވާ ފުރަތަމަ ހުށަހަޅަންވާނީ އެ މައްސަލަ ހިނގަމުންދާ ކޯޓަށެވެ. މައްސަލައެއްގެ ތެރެއިން ކުރި ފަޅައި، އެ މައްސަލައޮތް ކޯޓުގައި އެކަމަކާ ގުޅިގެން ނިންމުމެއް ނިންމަން ފުރުސަތު ދިނުމެއްނެތި، އެހެން ކޯޓަކަށް އެ މައްސަލަ ހުށަހެޅިދާނެކަމަކަށް އަހުރެން ނުދެކެމެވެ.

މި މައްސަލައިގައި އެސްޓޭޓް އިންޓަނޭޝަނަލްގެ ޢަމަލުތަކަށް ބަލާއިރު، ދަޢުވާ އިސްލާހުކުރަންކަމަށް ބުނެ ތަކުރާރުކޮށް މައްސަލަ އަނބުރާ ގެންގޮސްފައިވަނީ އެންމެ އިޚްލާސްތެރި ނިޔަތެއްގައިކަން ބަލައިގަންނަން ދައްޗެވެ. ނަމަވެސް، މިއީ ސުޕްރީމް ކޯޓުން މިކަންކަން ހައްލުކުރަންކަމަށް ބުނެ ކަނޑައެޅިގެން ޤާނޫނާ ޚިލާފަށް ޢަމަލުކުރަން އޮތް ހުއްޖަތެއްކަމުގައި އަހުރެން ނުދެކެމެވެ. ކޯޓުތަކުން މައްސަލައަކަށް ދާއިމީ ހައްލެއް ދެވޭނީ ކޯޓުތަކުން ޤާނޫނާ އެއްގޮތަށް ޢަމަލުކޮށް، ޤާނޫނު ނަގަހައްޓާނަމައެވެ.

އެހެންކަމުން، އިސްވެ ބަޔާންވެދިޔަ ކަންކަން އެގޮތުގެ މަތިން ހުރުމުން، ސުޕްރީމް ކޯޓުގެ ނަންބަރު 2015/SC-SJ/08 ކޯޓު އަމުރަކީ ކަނޑައެޅިގެން ޤާނޫނާ ޚިލާފު، ކޯޓުތަކުން މައްސަލަ ބަލައިގަނެ ގޮތް ކަނޑައެޅުމުގެ އިޖުރާއަތާއި ތަރުތީބު ފުރޮޅާލައި، ޤާނޫނީ އުސޫލުތައް އެއްކިބާކޮށް، އަދި ސުޕްރީމް ކޯޓުގެ ބެލެނިވެރިކަމުގެ އިޚްތިޞާޞްއާބެހޭ ގަވާއިދާވެސް ޚިލާފަށް ނެރެފައިވާ އަމުރެއްކަމުން، މި އަމުރަކީ ބާޠިލުކުރަންޖެހޭ އަމުރެއްކަމުގައި އަހުރެން ދެކެމެވެ.

ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރައުޔު69. މި މައްސަލައިގައި ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންގެ ރައުޔު70. މި މައްސަލައިގައި ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

ޙުކުމް ދެންފަހެ، އިސްވެ ބަޔާންވެދިޔަ ކަންކަން އެގޮތުގެމަތިން ހުރުމާއެކު، އެސްޓޭޓް އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2015/SC-SJ/08 ކޯޓު އަމުރު އަލުން ބަލައިދިނުމަށް އެދި ހުށަހެޅި ސަބަބުތަކުގެ މައްޗަށް ބިނާކޮށް، މި އަމުރަކީ ޤާނޫނާ ޚިލާފަށް ނެރެފައިވާ އަމުރެއްކަމުން، މި އަމުރު ބާޠިލުކަމަށް މި މައްސަލަ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އަލުން ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި، ޙުކުމްކޮށްފީމެވެ.

މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ:

ޙުސްނުއްސުޢޫދުއަޒްމިރާލްދާ ޒާހިރުޢަލީ ރަޝީދު ޙުސައިން(ރިޔާސަތު)

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ޝެއަރ ކުރައްވާ