ދިވެހިރާއްޖޭގެ މަތީ މަރުޙަލާގެ ކޯޓުތަކުން ކަނޑައަޅާފައިވާ ޤާނޫނީ އުޞޫލުތައް

Maldives Legal Precedents

Saeed Lex
[2023] SC 01 · 2021/SC-A/47ސުޕްރީމް ކޯޓު · 15 ޖަނަވަރީ 2023

އާމިނަތު ޤާސިމް ވ. ކައުންސިލް އިދާރާ

ސުޕްރީމް ކޯޓު
ފަހުގެ ޙުކުމެއްގައި ޙަވާލާދީފައެއް ނުފެނޭޙުކުމުގެ ހާލަތު
ސުޕްރީމް ކޯޓު · 15 ޖަނަވަރީ 2023ބާވަތް: މަދަނީ

ޚުލާޞާ

ޚުލާޞާ ނެތް.

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
—
ފަހުގެ ތާރީޚު
—

ނިންމުން

—

ކޯ ޓާމްސް

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

މި ލިޔުމުން އުޞޫލެއް ނުނެގުނު.

ފަނޑިޔާރުން

ބެންޗު
—
ޚިލާފު ރައުޔު
ނެތް

ޝަރީޢަތުގެ ވީޑިއޯ

ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.

އާމިނަތު ޤާސިމް ވ އދ. މާމިގިލީ ކައުންސިލްގެ އިދާރާ

ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔު (ފަނޑިޔާރު ޙުސްނުއްސުޢޫދު އަދި ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމް ތާއީދު ކުރައްވާފައި)

ތަޢާރުފު

މިއީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2019/HC-A/01 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށްޓަކައި އާމިނަތު ޤާސިމް (މީގެ ފަހުން "އިސްތިއުނާފު ކުރާ ފަރާތް" ނުވަތަ "އާމިނަތު ޤާސިމް") ގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅުމުން، މި ކޯޓުގެ ނަންބަރު 2021/SC-A/47 ޤަޟިއްޔާއިން ބެލި އިސްތިއުނާފީ މައްސަލައެކެވެ. މި ޤަޟިއްޔާގައި އިސްތިއުނާފު ރައްދުވަނީ އދ.މާމިގިލީ ކައުންސިލްގެ އިދާރާ (މީގެ ފަހުން "އިސްތިއުނާފު ރައްދުވާ ފަރާތް" ނުވަތަ "އދ. މާމިގިލީ ކައުންސިލްގެ އިދާރާ") ގެ މައްޗަށެވެ.

މައްސަލައިގެ ކަންހިނގާފައިވާ ގޮތް

އިސްތިއުނާފު ކުރާ އާމިނަތު ޤާސިމްއަކީ އދ. މާމިގިއްޔަށް އުފަން، އެރަށުގައި އުޅެ ބޮޑުވި، އެރަށުގެ ރަޖިސްޓަރީވެފައިވާ މީހެކެވެ.

އިސްތިއުނާފު ކުރާ ފަރާތާއި، އޭނާގެ ފިރިމީހާއާއި، 2 (ދޭއް) ދަރިން އދ. މާމިގިލީގައި ދިރިއުޅެމުން ދިޔައީ ކުއްޔަށެވެ.

އެހެންކަމުން، 2016 ވަނަ އަހަރުގެ ތެރޭގައި، އދ. މާމިގިލިން ގޯތި ދޫކުރުމަށް ކުރި އިއުލާނަށް އިޖާބަދީ، އާމިނަތު ޤާސިމްގެ ފަރާތުން އދ. މާމިގިލީ ކައުންސިލަށް ކަމާގުޅޭ ފޯމު ހުށަހެޅި ހިނދު، ޝަރުތު ހަމަވެ ގޯތި ލިބޭނެ މީހުންގެ ނަންތައް އާންމު ކުރިއިރު އާމިނަތު ޤާސިމްގެ ނަން ލިސްޓުގައި ހިމެނިފައި ނުވެއެވެ.

މިހެންކަމާއެކު، ކަންވެފައިވާ ގޮތް ސާފުކުރުމަށް އދ. މާމިގިލީ ކައުންސިލަށް އާމިނަތު ޤާސިމް ސިޓީއެއް ފޮނުވިއެވެ. އެ ސިޓީގެ ޖަވާބުގައި، ޝަރުތު ހަމަވާ މީހުންގެ ލިސްޓުގައި އާމިނަތު ޤާސިމްގެ ނަން ހިމެނިފައިނުވަނީ ދެމަފިރިންނަށް ދެގޯތި ނުލިބޭ އުސޫލުގެ ދަށުން ގޯތި ދޫކުރާގޮތަށް ހަމަޖެހިފައިވާތީ ކަމަށާއި، އާމިނަތު ޤާސިމްގެ ފިރިމީހާގެ ނަމުގައި ކ. މާލެ ވިލިނގިލީގައި 1,400 (ސާދަސަތޭކަ) އަކަފޫޓުގެ ގޯއްޗެއް އޮތްކަމުގެ މަޢުލޫމާތު އާމިނަތު ޤާސިމްގެ ފަރާތުން ފޯމުގައި ހިމަނާފައިވާތީކަމަށް އދ. މާމިގިލީ ކައުންސިލުން މަޢުލޫމާތު އާމިނަތު ޤާސިމްއަށް ދިނެވެ.

އާމިނަތު ޤާސިމް ފާހަގަކޮށްފައިވާ ގޮތުގައި އޭނާގެ ފިރިމީހާއަށް ލިބިފައި އޮތް ގޯއްޗަކީ އޭނާ އެހެން މީހަކާ ކައިވެނިކޮށްގެން އުޅުނުއިރު ލިބިފައިވާ ގޯއްޗެކެވެ. އަދި އެ ގޯތީގައި ދިރިއުޅެނީ އެ ކައިވެނިން އާމިނަތު ޤާސިމްގެ ފިރިމީހާއަށް ލިބިފައިވާ ކުދިންނެވެ. ހަމަ އެއާއެކު، ފިރިމީހާއަކީ ކޮންމެ އިރަކުވެސް އަނބިމީހާ ވަރިކޮށް އޭނާ ދޫކޮށް ހިނގައިދާނެ މީހެއް ކަމުގައިވާއިރު، ގޯއްޗަށް އެދި ހުށަހެޅި މީހުންނަށް މާކްސް ދިނުމަށް އދ. މާމިގިލީ ކައުންސިލުން ކަނޑައަޅާފައިވާ އުސޫލުގައި، ގޯއްޗަށް އެދޭ މީހުންގެ މައިންބަފައިންގެ ގޯތި ނުވަތަ އެފަދަ ގޯއްޗަކުން ބައެއް ލިބުމުގެ ފުރުސަތު އޮތް ފަރާތަކަށް ލިބޭ ޕޮއިންޓުން ވަކި މިންވަރެއް އުނިކުރުމުގެ އުސޫލެއް ހިމަނާފައިވާ ނަމަވެސް، ގޯއްޗަށް އެދި ހުށަހަޅާ ފަރާތުގެ އަނބިމީހާ ނުވަތަ ފިރިމީހާގެ ނަމުގައި ގޯއްޗެއް އޮންނަ ހާލަތުގައި، އެ ގޯއްޗެއްގައި ދިރިއުޅުމުގެ ފުރުސަތު ތަނަވަސް ވެފައިވާ މިންވަރަށާއި، ދަރިން ތިބި އަދަދުގެ މައްޗަށް ބަލައި ޕޮއިންޓް ލިބިދޭ ގޮތެއް ބަޔާންކޮށްފައި ނެތުމުގެ އިތުރުން، އެފަދަ ފަރާތްތައް މިފަދަ ފުރުސަތަކުން މަހުރޫމް ކުރުމަކީ، އާމިނަތު ޤާސިމްއާ އޭނާއާ އެއް ހާލަތެއްގައި ތިބޭ ފަރާތްތަކަށް ގޯތި ހޯދުމަށް އޮތް ބޭއިންސާފެކެވެ.

އެހެންކަމުން، އދ. މާމިގިލީން ގޯތި ދޫކުރުމަށް ނިންމާ، އދ. މާމިގިލީ ކައުންސިލްގެ އިދާރާއިން ކުރި އިއުލާނާއި ގުޅިގެން، އާމިނަތު ޤާސިމްގެ ފަރާތުން ބަންޑާރަ ގޯއްޗެއް ހޯދުމަށް އެދި ހުށަހެޅި "ދިރިއުޅުމަށްޓަކައި ދޫކުރާ ބަންޑާރަ ގޯއްޗަށް އެދޭ ފޯމް" އަށް އެއްވެސް ޕޮއިންޓެއް ނުދީ، އެ ފޯމް ބާތިލްކޮށްފައިވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި، ބިމާބެހޭ ޤާނޫނާއި، ބިމާބެހޭ ގަވާއިދާ އަދި ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުމާބެހޭ ގަވާއިދާ ޚިލާފަށް ކަމުގައި ކަނޑައަޅާދިނުމަށް އެދި، އާމިނަތު ޤާސިމްގެ ފަރާތުން އދ. މާމިގިލީ ކައުންސިލްގެ އިދާރާއަށް ރައްދުވާގޮތަށް، އދ. މާމިގިލީ މެޖިސްޓްރޭޓް ކޯޓަށް މައްސަލައެއް ހުށަހެޅިއެވެ.

އދ. މާމިގިލީ މެޖިސްޓްރޭޓް ކޯޓުގައި ބެލި މައްސަލަ

އާމިނަތު ޤާސިމްގެ ފަރާތުން ހުށަހެޅި މައްސަލަ އދ. މާމިގިލީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 55/I-10-C/2017 ޤަޟިއްޔާއިން ބަލައި ޙުކުމްކޮށްފައިވަނީ، މައްސަލައިގައި ވަގުތީ އަމުރެއް ނެރެދިނުމަށް ދަޢުވާކުރާ އާމިނަތު ޤާސިމްގެ ފަރާތުން އެދިފައިވީނަމަވެސް، ވަގުތީ އަމުރެއް ނެރުމުގައި ޤާނޫނީ ގޮތުން ރިޢާޔަތްކުރާ މިންގަނޑުތައް މި މައްސަލައިގައި ފުރިހަމަ ނުވާތީ، މި މައްސަލައިގައި ވަގުތީ އަމުރެއް ނެރެފިނަމަ، ޖަމައީ ގޮތެއްގައި ގިނަ ބައެއްގެ ޙައްޤުތަކެއް އުނިވެގެންދާނެ ކަމަށް ޝަރީޢަތަށް ފާހަގަކުރެވޭތީ، މި މައްސަލައިގައި ވަގުތީ އަމުރެއް ނެރެދޭވެނެ ޝަރުޢީ އަދި ޤާނޫނީ އެއްވެސް ހަމައެއް ނެތް ކަމަށާއި، އދ. މާމިގިލީ ކައުންސިލްގެ އިދާރާގެ އިއުލާނާ ގުޅިގެން އާމިނަތު ޤާސިމްގެ ފަރާތުން ހުށަހަޅާފައިވާ "ދިރިއުޅުމަށްޓަކައި ދޫކުރާ ބަންޑާރަ ގޯއްޗަށް އެދޭ ފޯމް" އެ އިދާރާއިން ބާތިލްކޮށް އާމިނަތު ޤާސިމްގެ ޝަރުތު ހަމަނުވާ ކަމަށް ކަނޑައަޅާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުސޫލުތަކާ ޚިލާފަށްކަމަށް ކަނޑައަޅާނެ ޝަރުޢީ އަދި ޤާނޫނީ އެއްވެސް ހަމައެއް ނެތް ކަމަށެވެ.

އދ. މާމިގިލީ މެޖިސްޓްރޭޓް ކޯޓުން މިފަދައިން ނިންމާފައިވަނީ އަންނަނިވި ކަންކަމުގެ މައްޗަށް ބިނާކޮށްކަން، އެ ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށް ބެލުމުން އެނގެންއޮވެއެވެ.

މި މައްސަލައަކީ އދ. މާމިގިލީ ކައުންސިލްގެ އިދާރާއިން ނިންމާފައިވާ ނިންމުމެއް މުރާޖަޢާކޮށްދިނުމަށް އެދި ހުށަހަޅާފައިވާ މައްސަލައަކަށްވާއިރު، އެ ނިންމުން ނިންމީ ޤާނޫނީ ގޮތުން އެ ނިންމުން ނިންމުމުގެ އިޚްތިޞާސް އޮތް ފަރާތަކުންތޯ ބަލާއިރު، ދިރިއުޅުމަށްޓަކައި އދ. މާމިގިލިން ބަންޑާރަ ގޯތި ދޫކުރުމަށްޓަކައި، ކަމާބެހޭ އިދާރާތަކުގެ ލަފަޔާ މަޝްވަރާގެ މަތިން ޤާނޫނާއި ގަވާއިދުގެ އިމުގެ ތެރެއިން ކުރަންޖެހޭ އެންމެހާ ކަންކަންކުރުމުގެ އިޚްތިޞާޞް އދ. މާމިގިލީ ކައުންސިލްގެ އިދާރާއަށް ޤާނޫނީ ގޮތުން ލިބިގެންވާކަން.

އދ. މާމިގިލީ ކައުންސިލްގެ އިދާރާއިން އާމިނަތު ޤާސިމްގެ ފަރާތުން ހުށަހަޅާފައިވާ "ދިރިއުޅުމަށްޓަކައި ދޫކުރާ ބަންޑާރަ ގޯއްޗަށް އެދޭ ފޯމް" ބާތިލްކޮށްފައިވަނީ ޤާނޫނު ނަންބަރު 2002/1 (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު) އާއި އެ ޤާނޫނުގެ ދަށުން ބާރުލިބިގެން އދ.މާމިގިލީ ކައުންސިލްގެ އިދާރާއިން ކޮށްފައިވާ އިއުލާނާއި އެ އިއުލާނާއެކު ނެރެފައިވާ އުސޫލަށް ތަބަޢަވެގެންކަން.

އާމިނަތު ޤާސިމްގެ ފަރާތުން ހުށަހަޅާފައިވާ "ދިރިއުޅުމަށްޓަކައި ދޫކުރާ ބަންޑާރަ ގޯއްޗަށް އެދޭ ފޯމް" ބާތިލްކުރުމަށް ނިންމުމުގައި އދ.މާމިގިލީ ކައުންސިލްގެ އިދާރާއިން އެއްވެސް ޤާނޫނަކާ ޚިލާފްވެފައިނުވާކަން.

އދ. މާމިގިލީ ކައުންސިލްގެ އިދާރާއިން އާމިނަތު ޤާސިމްގެ ފަރާތުން ހުށަހަޅާފައިވާ "ދިރިއުޅުމަށްޓަކައި ދޫކުރާ ބަންޑާރަ ގޯއްޗަށް އެދޭ ފޯމް" ބާތިލްކުރުމަށް ނިންމުމުގައި އެ އިދާރާއަށް ލިބިފައިވާ އިޚްތިޔާރާއި ބާރުގެ ބޭނުން ނުރަނގަޅު ގޮތުގައި ނުވަތަ ނާޖާއިޒް ގޮތުގައި ބޭނުންކޮށް، ޤާނޫނީ ގޮތުން އެ ނިންމުން އޮންނަންޖެހޭ އިންތަކުން ބޭރުވެފައިނުވާކަން.

އދ. މާމިގިލީ ކައުންސިލްގެ އިދާރާއިން އާމިނަތު ޤާސިމްގެ ފަރާތުން ހުށަހަޅާފައިވާ "ދިރިއުޅުމަށްޓަކައި ދޫކުރާ ބަންޑާރަ ގޯއްޗަށް އެދޭ ފޯމް" ބާތިލްކޮށްފައިވަނީ އާމިނަތު ޤާސިމްގެ ފިރިމީހާގެ ނަމުގައި ގޯއްޗެއް އޮތުމުގެ މާދިއްޔަތުގެ މައްޗަށް ކަމަށްވާއިރު، އެކަން އެގޮތުގެ މައްޗަށް ދެމިއޮތްކަން.

އާމިނަތު ޤާސިމްގެ ފަރާތުން ހުށަހަޅާފައިވާ "ދިރިއުޅުމަށްޓަކައި ދޫކުރާ ބަންޑާރަ ގޯއްޗަށް އެދޭ ފޯމް" އދ.މާމިގިލީ ކައުންސިލްގެ އިދާރާއިން ބާތިލްކޮށްފައިވަނީ ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނުގެ 11 ވަނަ މާއްދާގެ މައްޗަށް ބިނާކޮށް، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 20 ވަނަ މާއްދާގެ ދަށުން އެންމެނާ މެދުގައިވެސް ޤާނޫނީ ހަމަހަމަ ކަމުގެ ސަބަބު އެގޮތުގައި ދެމެހެއްޓުމަށް ކަމުގައިވުން.

އިސްތިއުނާފުކުރެވޭ މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައިވާ ގޮތް

އދ.މާމިގިލީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 55/I-10-C/2017 ޤަޟިއްޔާގެ ނިންމުން އާމިނަތު ޤާސިމްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން އެ ކޯޓުގެ ނަންބަރު 2019/HC-A/01 ޤަޟިއްޔާއިން ބަލައި ޙުކުމްކޮށްފައިވަނީ އދ.މާމިގިލީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 55/I-10-C/2017 ޤަޟިއްޔާ ޙުކުމަށް ބަދަލު ގެންނަން ޖެހޭފަދަ ޝަރުޢީ އަދި ޤާނޫނީ ސަބަބެއް ނެތް ކަމަށެވެ.

ދިވެހިރާއްޖޭގެ ހައިކޯޓުން މިފަދައިން ނިންމާފައިވަނީ އަންނަނިވި ކަންކަމުގެ މައްޗަށް ބިނާކޮށްކަން އެ ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށް ބެލުމުން އެނގެންއޮވެއެވެ.ގޯއްޗަށް އެދޭ މީހުންނަށް ޕޮއިންޓް ދިނުމުގެ އުސޫލެއް އެކަށައެޅުމަށްފަހު، އެ އުސޫލާ އެއްގޮތަށް ގޯއްޗަށް އެދޭ ފަރާތަކަށް ޕޮއިންޓް ދިނުމާމެދު ލަފާ ހޯދުމުގެ ގޮތުން އދ. މާމިގިލީ ކައުންސިލްގެ އިދާރާއިން މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އަށް ސިޓީ ފޮނުވާ، އެ ސިޓީއާ ގުޅިގެން އދ. މާމިގިލީ ކައުންސިލްގެ އިދާރާއިން އެކަށައަޅާފައިވާ އުސޫލާމެދު ފެންނަ ގޮތް ހާމަކޮށް މޯލްޑިވްސް ލޭންޑް އެންޑް ސަރވޭ އޮތޯރިޓީގެ ފަރާތުން އދ. މާމިގިލީ ކައުންސިލްގެ އިދާރާއަށް އަންގާފައިވާކަން.

އދ. މާމިގިލީ ކައުންސިލްގެ އިދާރާއިން އެކަށައަޅާފައިވާ ގޯއްޗަށް އެދޭ މީހުންނަށް ޕޮއިންޓް ދިނުމުގެ އުސޫލުގެ " ގޯތި ލިބޭ ގޮތް" މި ސުރުޚީގެ ދަށުގައި ގޯތި ލިބޭ މީހުން ކަނޑައެޅުމުގައި ކޮންމެ ދެމަފިރިއަކަށް ދެ ގޯތި ނުލިބޭނެ އުސޫލުން ވިސްނަންވާނެ ކަމަށް ބަޔާންކޮށްފައިވާކަން.

އދ. މާމިގިލިން ދިރިއުޅުމަށް ބަންޑާރަގޯތި ދޫކުރުމަށްޓަކައި އެ އިދާރާގެ ފަރާތުން 14 މާރިޗު 2016 ގައ ކުރި ޢިޢުލާނުގައި "ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތިދޫކުރުމުގެ ގަވާއިދު" ގެ 13 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އެންމެހައި ކަންކަން ހިމަނާފައިވުމުގެ އިތުރުން ގޯއްޗަށް އެދޭ ފަރާތުގެ އަނބި ނުވަތަ ފިރިމީހާއަށް ދިވެހިރާއްޖޭގެ އެއްވެސް ތަނަކުން ގޯއްޗެއް ނުވަތަ ގޯއްޗެއްގެ ބައެއް އަދި ފްލެޓެއް ނުވަތަ ފްލެއްޓެއްގެ ބައެއް ލިބިފައިވާނަމަ އެ ފަރާތަކަށް ގޯއްޗެއް ދުލެއް ނުކުރެވޭނެ ކަމަށް އިއުލާނުގައި ބަޔާންކޮށްފައިވުން.

އާމިނަތު ޤާސިމްގެ ފަރާތުން ގޯއްޗަށް އެދި ހުށަހެޅި ފޯމުގައި އާމިނަތު ޤާސިމުގެ ފިރިމީހާއަށް 1400 އަކަފޫޓުގެ "ވ.މަންފާ" ގެ ނަމުގައި ގޯއްޗެއް ރަޖިސްޓްރީކުރެވިފައިވާ ކަމަށް ބަޔާންކޮށްފައިވާއިރު، އެ މަޢުލޫމާތަކީ ޞައްހަ ނޫން މަޢުލޫމާތެއް ކަމަށް އާމިނަތު ޤާސިމުގެ ފަރާތުން އެއްވެސް މަރުހަލާއެއްގައި ބުނެފައިނުވާކަން.

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފައިވާ ނުކުތާތައް

ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2019/HC-A/01 ޤަޟިއްޔާ ނިންމާފައިވަނީ ޤާނޫނާ އެއްގޮތަށް ނޫންކަމަށް ބުނެ އެ ޤަޟިއްޔާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމަށްޓަކައި އާމިނަތު ޤާސިމްގެ ފަރާތުން 03 (ތިނެއް) ސަބަބެއް ހުށަހަޅާފައިވެއެވެ.

ފުރަތަމަ ސަބަބަކީ، އދ.މާމިގިލީ ކައުންސިލްގެ އިދާރާއިން ކުރި އިއުލާނުގައި އިތުރު ޝަރުތު ހިމަނާފައިވަނީ ރަނގަޅަށް ކަމުގައި ކަނޑައަޅާ، އެގޮތަށް ޝަރުތު ހިމެނުން ޞައްހަ ކަމަށް ކަނޑައަޅާފައިވަނީ ބިމާބެހޭ ޤާނޫނުގެ 2 ވަނަ މާއްދާއާ ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުމާބެހޭ ގަވާއިދާ ޚިލާފަށް ކަމަށް ބުނެ ހުށަހެޅި ސަބަބު.

ދެވަނަ ސަބަބަކީ، "ދެމަފިރިންނަށް ދެ ގޯތި ނުލިބޭނެ އުސޫލު" ގެ ދަށުން ގޯތި ދިނުމުގައި ބަލަންވާނެކަމަށް ގަވާއިދުގައި ބަޔާންކުރާ ކަންކަމަށް ބެލުމެއްނެތި، އެސެސްކުރުމެއް ނެތި، އަދި އެ ނުކުތާ ގޯސްކޮށް މާނަކޮށް، އާމިނަތު ޤާސިމްގެ ފަރާތުން ހުށަހަޅާފައިވާ ފޯމު ބާޠިލުކޮށްފައިވަނީ ރަނގަޅަށް ކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ކަނޑައަޅާފައިވަނީ ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުމާބެހޭ ގަވާއިދުގެ މަޤްސަދާއި ރޫހާއި ޚިލާފަށް ކަމަށް ބުނެ ހުށަހެޅި ސަބަބު.

ތިންވަނަ ސަބަބަކީ، ހައިކޯޓުގެ ޙުކުމުގައި އިތުރު ޝަރުތު ހިމެނުމަށް ހުއްދަ ދީފައިވާކަމަށް ބުނެ ހުށަހަޅާފައިވާ ދެ ސިޓީއަކީ ދަށުކޯޓަށް ހުށަހަޅާފައި ނުވާ ދެ ސިޓީ ކަމުގައިވެފައި، މި ދެ ސިޓީއަކީ ދަށުކޯޓުގައި މައްސަލަ ހިނގަމުން ދިޔައިރު ހުށަހެޅުމުގެ ފުރުޞަތު އޮތް ސިޓީތަކެއް ކަމުގައިވުމުން، އެ ސިޓީތަކަކީ އިތުރު ޝަރުތު ކަނޑައެޅުމަށް ހުއްދަދީފައިވާ ސިޓީކަމުގައި ބަލައި ހައިކޯޓުން ގޮތް ކަނޑައަޅާފައިވަނީ ސުޕްރީމް ކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ހާމިދު އިސްމާޢިލް ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުސޫލާ ޚިލާފަށް ކަމުގައި ބުނެ ހުށަހެޅި ސަބަބު.

އިސްވެ ފާހަކުރެވުނު އިސްތިއުނާފީ ނުކުތާތަކުގެ ތަފްސީލަށާއި، އޭގެ ރައްދުގައި ދައްކާފައިވާ ވާހަކަތަކުގެ އަލީގައި، އެ ނުކުތާތަކާ ގުޅޭގޮތުން އަހުރެން ދެކޭގޮތް ވަކިވަކިން ބަޔާންކުރާނަމަވެ. އެހެންނަމަވެސް، އޭގެ ކުރިން، އދ. މާމިގިލީ ކައުންސިލްގެ އިދާރާއިން ގޯތިދޫކުރުމުގެ ކަންކަން ހަމަޖައްސާފައިއޮތް ގޮތަށް ބަލާލާނަމެވެ.

ގޯތިދޫކުރުމުގެ ކަންކަން ހަމަޖެހިފައި އޮތް ގޮތް

އދ. މާމިގިލިން 2000 (ދެހާސް) އަކަފޫޓުގެ 150 (އެއްސަތޭކަ ފަންސާސް) ގޯތި ދޫކުރުމަށް ހަމަޖެހުމާއި ގުޅިގެން، އދ. މާމިގިލީ ކައުންސިލްގެ އިދާރާއިން ކުރި އިއުލާނަކުން (މީގެ ފަހުން "އިއުލާނު" ކަމުގައި ހަވާލާދީފައިވާ)، ގޯއްޗަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލިއެވެ. މި އިއުލާނަށް އިޖާބަދީ ފޯމު ހުށަހެޅި މީހުންނަށް މާކްސް ދީފައިވަނީ އެ ކައުންސިލް އިން އެކުލަވާލާފައި އޮތް "ގޯއްޗަށް އެދޭ މީހުންނަށް ޕޮއިންޓް ދިނުމުގެ އުސޫލު 2016" (މީގެ ފަހުން "އުސޫލު" ކަމުގައި ހަވާލާދީފައިވާ) އާ އެއްގޮތަށްކަމަށް އެ ކައުންސިލުން ބުނެއެވެ.

ކައުންސިލުން ކުރި އިއުލާނު

އދ. މާމިގިލީ ކައުންސިލްގެ އިދާރާއިން ކުރި އިއުލާނުގައި ބަޔާންކޮށްފައިވާ ގޮތުން، ގޯއްޗަށް އެދި ހުށަހަޅާ ފަރާތްތަކުގެ ކިބައިގައި ހުންނަންޖެހެނީ އަންނަނިވި ޝަރުތުތަކެވެ.

ދިވެހިރައްޔިތެއް ކަމުގައިވުން.

އުމުރުން 21 (އެކާވީސް) އަހަރު ވެފައިވުން.

ބަންޑާރަ ގޯއްޗެއް ނުވަތަ އަމިއްލަ ގޯއްޗެއް އެ މީހެއްގެ ނަމުގައި ރަޖިސްޓަރީވެފައި ނެތުން.

އަމިއްލަ ނުވަތަ ބަންޑާރަ ގޯއްޗެއްގައިވާ ނުއުފުލޭ މުދަލުން ލިބިގެން އެފަދަ ގޯއްޗަކުން 600 (ހަސަތޭކަ) އަކަފޫޓަށްވުރެ ބޮޑުބައެއް ލިބިފައި ނެތުން، ނުވަތަ ލިބިފައިވާ މިފަދަ ބައެއް މިގަވާއިދާ އެއްގޮތްވާގޮތުގެ މަތިން ދޫކޮށްލުން.

ސަރުކާރުން ހަދާފައިވާ އިމާރާތެއްގެ ފްލެޓެއް އެ މީހެއްގެ ނަމުގައި ރަޖިސްޓަރީވެފައި ނެތުން، އަދި މިފަދަ ތަނެއް އަމިއްލަ ނަމުގައި އޮވެ، މިތަން ދޫކޮށްލާ ނުވަތަ ވިއްކާފައިވާތާ 2 (ދޭއް) އަހަރަށްވުރެ ގިނަދުވަސް ވެފައިވުން.

އެއްމެދު އިމާރާތެއްގެ ފްލެޓެއް އެ މީހެއްގެ ނަމުގައި ރަޖިސްޓަރީވެފައި ނެތުން، އަދި މިފަދަ ތަނެއް އަމިއްލަ ނަމުގައި އޮވެ، މިތަން ދޫކޮށްލާ ނުވަތަ ވިއްކާފައިވާތާ 2 (ދޭއް) އަހަރަށްވުރެ ގިނަދުވަސް ވެފައިވުން.

ގޯއްޗަށް އެދިފައިވާ މީހުންގެ ބެލުމުގެ ދަށުގައި އުފަން ދަރިންނާއި، އެ މީހަކަށް ޝަރުޢީގޮތުން ބަލަންޖެހިފައިވާ މީހުންގެ އަދަދާއި، ގޯއްޗަށް އެދިފައިވާ މީހާއާއި އެ މީހާގެ ބެލުމުގެ ދަށުގައިވާ މީހުންގެ ބިމުގެ ތަނަވަސްކަމާއި، ގޯއްޗަށް އެދިފައިވާ މީހާއަށް ކުރިން ގޯއްޗެއް ލިބި، ނުވަތަ އޮވެ، އެގޯއްޗަކާމެދު އަމަލުކޮށްފައިވާ ގޮތުގެ މައްޗަށް ރިއާޔަތްކޮށް އަދި ގޯއްޗަށް އެދިފައިވަނީ ދެމަފިރިން ކަމުގައިވާނަމަ، ދެމަފިރިންނަށް ގޮތެއް ބަލާ، އެ މީހަކީ ގޯއްޗަށް ބޭނުންވެފައިވާ މީހެއްކަމަށް "ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުމުގެ ގަވާއިދު" ގެ 16 ވަނަ މާއްދާގައި ބުނާ ކޮމިޓީއަށް ފެނުން.

އެ އިއުލާނުގައި އިތުރަށް ބަޔާންކޮށްފައިވަނީ، ގޯތި ލިބިދިނުމަށް ހަމަޖެހިފައިވަނީ ފޯމު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 150 (އެއްސަތޭކަ ފަންސާސް) ފަރާތަށް ކަމަށާއި، ގޯތި ދޫކުރުމަށް ހަމަޖެހިފައިވަނީ ދެމަފިރިންނަށް ދެގޯތި ނުލިބޭ އުސޫލުންކަމުގައިވާތީ، އެންމެ މަތިން މާކްސް ލިބޭ 150 (އެއްސަތޭކަ ފަންސާސް) ފަރާތުގެ ތެރޭގައި ދެމަފިރިން ހިމެނޭނަމަ ގޯތި ދޫކުރެވޭނީ ދެމަފިރިންގެ ނަމުގައި ކަމަށާއި، ދެމަފިރިންގެ ނަމުގައި ގޯތި ބޭނުން ނުވާނަމަ، ގޯތި ލިބޭ ފަރާތެއް ކަނޑައަޅާނީ ދެމަފިރިން މަޝްވަރާކޮށްގެން ކަމަށާއި، މިގޮތުންވެސް ދެމަފިރިންނަށް ގޮތެއް ކަނޑަނޭޅިއްޖެނަމަ، ގޯތި ލިބޭ ފަރާތެއް ކަނޑައަޅާނީ ދެމަފިރިންގެ މެދުގައި ގުރުއަތުލައިގެން ކަމަށެވެ. އަދި، ގޯއްޗަށް އެދޭ ފަރާތުގެ ނުވަތަ ގޯއްޗަށް އެދޭ ފަރާތުގެ އަނބި ނުވަތަ ފިރިމީހާއަށް ދިވެހިރާއްޖޭގެ އެއްވެސް ތަނަކުން ގޯއްޗެއް ނުވަތަ ގޯއްޗަކުން ބައެއް ލިބިފައިވާނަމަ، އެ ފަރާތަކަށް ގޯއްޗެއް ދުލެއް ނުކުރެވޭނެކަމަށްވެސް އިއުލާނުގައި ބަޔާންކޮށްފައިވެއެވެ.

ގޯއްޗަށް އެދޭ މީހުންނަށް ޕޮއިންޓް ދިނުމުގެ އުސޫލު 2016

އދ. މާމިގިލީ ކައުންސިލްގެ އިދާރާއިން އެކުލަވާލާފައިވާ އުސޫލުގައި މާކްސްދޭ މައިގަނޑު 7 (ހަތެއް) ބައެއް ހިމަނާފައިވެއެވެ. އެއީ (1) ގޯތީގެ ބައި؛ (2) ކައިވެނީގެ ބައި؛ (3) ހާއްސަ އެހީއަށް ބޭނުންވާ ފަރާތަކަށް ހާއްސަ ބައި؛ (4) ދަރިންގެ ބައި؛ (5) މައިންބަފައިންގެ ބައި؛ (6) ރަށްވެހިކަމުގެ ބައި؛ އަދި (7) ޕޮއިންޓް އުނިކުރުން، މިއެވެ. މީގެ އިތުރުން، 'އިތުރު ތަފްސީލު' ގެ ގޮތުގައި ބައެއް ހިމަނައި، އެ ބައިގައި، (މަތީގައި ދެންނެވުނު) އެކި ބައިތަކަށް ޕޮއިންޓް ދޭނެ ގޮތާގުޅޭ އިތުރު ތަފްސީލު، އަދި 'ގޯތިލިބޭ ގޮތް' މި ސުރުހީގެ ދަށުން އިތުރު ކަންތައްތަކެއް ހިމަނާފައިވެއެވެ.

އުސޫލުގައި ބަޔާންކޮށްފައިވާ ކަންކަމުގެ ތެރެއިން، ޕޮއިންޓް ދިނުމާ ގުޅިގެން މި މައްސަލައިގައި އުފެދިފައިވާ ޚުޞޫމާތާގުޅޭ ބައިތައް ތިރީގައި ހިމަނަމެވެ.

ކެޓަގަރީ ބާވަތް ތަފްސީލު

1 ގޯތީގެ ބައި ގޯއްޗަށް އެދޭ މީހާގެ އަނބި ނުވަތަ ފިރިމީހާގެ ގޯއްޗެއް ނެތްނަމަ، މި ބައިން 25 ޕޮއިންޓް

2 ކައިވެނީގެ ބައި މި ބައިގައި ޕޮއިންޓް ދެވޭނެކަމަށް ބަޔާންކޮށްފައި އޮތީ:

(ހ) މީހަކާ އިނދެގެން ހުރިނަމަ 05 ޕޮއިންޓް

(ށ) ކައިވެނީގެ މުއްދަތު (ކޮންމެ އަހަރަކަށް 2 ޕޮއިންޓް) އަށް 20 ޕޮއިންޓް

(ނ) މީހަކާ އިނދެ ވަރިވެ ދަރިން ތިބިނަމަ 10 ޕޮއިންޓް

(ރ) މީހަކާ އިނދެ އަނބި/ފިރި މަރުވެ ދަރިން ތިބިނަމަ 14 ޕޮއިންޓް

4 ދަރިންގެ ބައި މި ބައިގައި ޕޮއިންޓް ދެވޭނެކަމަށް ބަޔާންކޮށްފައި އޮތީ:

(ހ) އުމުރުން 21 (އެކާވީސް) އަހަރުން ދަށުގެ ދަރިންތިބިނަމަ 05 ޕޮއިންޓް (ގިނަވެގެން 10 ޕޮއިންޓް)

(ށ) ސިއްހީ މައްސަލައެއްގެ ސަބަބުން ދަރިން ނުލިބޭނަމަ 10 ޕޮއިންޓް

(ނ) ދާއިމީ ގޮތެއްގައި ހާއްސަ އެހީއަށް ބޭނުންވާ ކުދިން ތިބިނަމަ 10 ޕޮއިންޓް (ގިނަވެގެން 04 ޕޮއިންޓް، އަދި ކުއްޖާގެ ހާލަތަށް ބަލާ ކޮމިޓީގެ މެޖޯރިޓީއާއެކު 3 ޕޮއިންޓް)

(ރ) ގޯއްޗަށް އެދޭ ފަރާތުގެ ދަރިން ރަށްވެއްސެއްގެ ގޮތުގައި ރަޖިސްޓަރީވެފައިވާނަމަ، 05 ޕޮއިންޓް (ގިނަވެގެން ޕޮއިންޓް ދެވޭނީ 2 ކުދިންނަށް ކަމަށް)

6 ރަށްވެހިކަމުގެ ބައި މި ބައިގައި ޕޮއިންޓް ދެވޭނެކަމަށް ބަޔާންކޮށްފައި އޮތީ:

(ހ) ރަށުގެ ރަށްވެއްސެއްނަމަ 05 ޕޮއިންޓް

(ށ) ރަށުގެ ރަށްވެއްސެއްގެ ގޮތުގައި ރަޖިސްޓަރީވެފައިވާ މުއްދަތަށް 10 ޕޮއިންޓް (އަހަރަކަށް 0.5 ޕޮއިންޓްގެ މަގުން ގިނަވެގެން 10 ޕޮއިންޓް)

(ނ) ރަށުގައި ދިރިއުޅޭތާވީ މުއްދަތަށް 10 ޕޮއިންޓް (އަހަރަކަށް 0.5 ޕޮއިންޓްގެ މަގުން ގިނަވެގެން 10 ޕޮއިންޓް)

7 ޕޮއިންޓް އުނިކުރުން މި ބައިގައި ޕޮއިންޓް އުނިކުރެވޭނެ ކަމަށް ބަޔާންކޮށްފައި އޮތީ:

(ހ) ގޯއްޗަށް އެދޭ ފަރާތުގެ މަންމަ/ބައްޕަ ގެ ނަމުގައި ގޯއްޗެއް އޮވެފައި، އެދޭ މީހާއަކީ ހުރި ހަމައެކަނި ދަރިނަމަ، 55 ޕޮއިންޓް

(ށ) ގޯއްޗަށް އެދޭ ފަރާތުގެ މަންމަ/ބައްޕަ ގެ ނަމުގައި ގޯއްޗެއް ނުވަތަ އެއް ގޯއްޗަށްވުރެ ގިނަ ގޯތި އޮވެފައި، އެގޯތި ބައިކުރުމުން ކޮންމެ ކުއްޖަކަށް 1500 އަކަފޫޓު ނުވަތަ އެއަށްވުރެ ބޮޑު ބިމެއް ވާނަމަ، ނުވަތަ ވަސިއްޔަތަކުން ނުވަތަ އެހެންވެސް ގޮތަކުން 1500 އަކަފޫޓު ނުވަތަ އެއަށްވުރެ ބޮޑު ބިމެއް ލިބިފައިވާނަމަ، 55 ޕޮއިންޓް

- ގޯތިލިބޭ ގޮތް މި ބައިގައި ބަޔާންކޮށްފައި އޮތީ:

ގޯތި ލިބޭ މީހުން ކަނޑައަޅާނީ ކޮންމެ ދެމަފިރިއަކަށް ދެ ގޯތި ނުލިބޭނެ އުސޫލުންނެވެ.

ގޯއްޗަށް އެދި ދެމަފިރިން ފޯމު ހުށަހަޅާ، ދެމަފިރިންނަށްވެސް ގޯތިލިބޭ މިންވަރަށް ޕޮއިންޓް ލިބުނު ނަމަވެސް، ދެމަފިރިންނަށް ދެ ގޯއްޗެއް ނުލިބޭނެއެވެ، މިހާލަތުގައި ގޯތި ދޫކުރާނީ އަދި ރަޖިސްޓަރީ ކުރާނީ ދެމަފިރިންގެ ނަމުގައެވެ. ދެމަފިރިންގެ ނަމުގައި ގޯތި ރަޖިސްޓަރީކުރަން ދެމަފިރިން އިންކާރުކުރާނަމަ، ގޯތި ލިބޭ ފަރާތެއް ކަނޑައަޅާނީ ދެމަފިރިން ވާހަކަދައްކައިގެނެވެ. އަދި އެގޮތަށް އެއްބަސް ނުވެވޭނަމަ، ގޯތި ލިބޭ ފަރާތް ކަނޑައަޅާނީ ގުރުއަތުލައިގެންނެވެ.

ފުރަތަމަ އަދި ދެވަނަ އިސްތިއުނާފީ ނުކުތާ

އާމިނަތު ޤާސިމްގެ ފަރާތުން މި ކޯޓުގައި އިސްތިއުނާފުކުރުމަށް ހުށަހެޅި ނުކުތާތަކުގެ ތެރެއިން، ފުރަތަމަ އަދި ދެވަނަ ނުކުތާގައި ހިމެނިފައިވަނީ ޖުމްލަގޮތެއްގައި އެއް ކަންތައްތަކެއް ކަމުން، އެ ދެ ނުކުތާގައި ބަޔާންކޮށްފައިވާ ކަންކަމަށް ބަލާފައި މިވަނީ އެއްކޮށެވެ.

އދ.މާމިގިލީ ކައުންސިލްގެ އިދާރާއިން ކުރި އިއުލާނުގައި ދެމަފިރިންނަށް ދެ ގޯތި ނުލިބޭނެ ކަމަށް ބަޔާންކުރާ އުސޫލު ހިމަނާފައިވަނީ ރަނގަޅަށް ކަމުގައި އަދި އެ ޝަރުތު ޞައްހަކަމުގައި ދިވެހިރާއްޖޭގެ ހައިކޯޓުން ކަނޑައަޅާފައިވަނީ ބިމާބެހޭ ޤާނޫނުގެ 2 ވަނަ މާއްދާއާ ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުމާބެހޭ ގަވާއިދުގެ 7 ވަނަ މާއްދާގެ (ކ) އާ ޚިލާފަށް ކަމަށް އާމިނަތު ޤާސިމް ބުނެއެވެ. އެހެން އާމިނަތު ޤާސިމްގެ ފަރާތުން ފާހަގަކުރަނީ އިއުލާނުގައި ބަޔާންކޮށްފައިވާ އަދި ފުރިހަމަވުން ލާޒިމުވާ ޝަރުތުތަކަކީ ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުމާބެހޭ ގަވާއިދުގެ 7 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޝަރުތުތައް ކަމުގައިވާއިރު، ގޯއްޗަށް އެދި ހުށަހަޅާ ފަރާތުގެ އަނބިމީހާ/ފިރިމީހާ އަށް ގޯއްޗެއް ލިބިފައިވާނަމަ، ގޯއްޗަށް އެދި ހުށަހަޅާ ފަރާތަށް ގޯތި ނުލިބޭނެކަމަށް ހިމަނާފައި އޮތް ބަޔަކީ އިއުލާނުގެ ޝަރުތެއްގެ ގޮތުގައި ހިމަނާފައިވާކަމަކަށް ނުވުމުންނެވެ. އަދި ޕޮއިންޓް ދިނުމުގެ އުސޫލުގައި ބަޔާންކުރާ ގޮތުންނަމަ، އަނބި ނުވަތަ ފިރިމީހާގެ ގޯއްޗެއް ނެތްނަމަ 25 (ފަންސަވީސް) ޕޮއިންޓް ލިބޭ ގޮތަށް އޮތުމުން، އަނބި ނުވަތަ ފިރިމީހާގެ ގޯއްޗެއް އޮތްނަމަ، މާކްސް ދިނުމަކާއި ނުލައި ފޯމު ބާތިލުކުރާނެކަން ދޭހަނުވާތީއެވެ.

ހަމަ އެއާއެކު، އާމިނަތު ޤާސިމްގެ ފަރާތުން ހުށަހަޅާފައިވާ ފޯމު ބާޠިލުކޮށްފައިވަނީ ރަނގަޅަށް ކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ކަނޑައަޅާފައިވަނީ ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުމާބެހޭ ގަވާއިދުގެ މަޤްސަދާއި ރޫހާއި ޚިލާފަށްކަމަށް އާމިނަތު ޤާސިމްގެ ފަރާތުން ބުނެއެވެ. އެފަދައިން އާމިނަތު ޤާސިމް ބުނަނީ އޭނާ ހުށަހަޅާފައިވާ ފޯމު ބާޠިލުކޮށްފައިވަނީ "ދެމަފިރިންނަށް ދެ ގޯތި ނުލިބޭނެ އުސޫލު" ގެ ދަށުން ގޯތި ދިނުމުގައި ބަލަންވާނެކަމަށް ގަވާއިދުގައި ބަޔާންކުރާ ކަންކަމަށް ބެލުމެއްނެތި ފޯމު ބާޠިލުކޮށްފައިވާތީއެވެ.

މީގެ އިތުރުން، ހައިކޯޓުގެ ނިންމުމުގައި ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުމާބެހޭ ގަވާއިދުގެ 7 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޝަރުތުތަކުގެ އިތުރުން އިއުލާނުގައި އައު ޝަރުތު ހިމެނުމަށް އދ.މާމިގިލީ ކައުންސިލްގެ އިދާރާއިން ހުއްދަ ހޯދާފައިވާކަމަށް ބުނެ އިޝާރާތްކޮށްފައިވާ 2 (ދޭއް) ސިޓީ އަކީ އެފަދަ އައު ޝަތުރު ހިމެނުމަށް ހުއްދަދީފައިވާ ސިޓީތަކެއް ނޫންކަންވެސް އާމިނަތު ޤާސިމް ބުނެއެވެ.

މި އިސްތިއުނާފީ ނުކުތާގެ ރައްދުގައި އދ.މާމިގިލީ ކައުންސިލްގެ އިދާރާއިން މައިގަނޑު ގޮތެއްގައި ބުނެފައިވަނީ އެ ކައުންސިލުން ކޮށްފައިވާ އިއުލާނުގައި ދެމަފިރިންނަށް ދެ ގޯތި ނުލިބޭނެ އުސޫލު ހިމަނާފައިވަނީ ބިމާބެހޭ ޤާނޫނުގެ 2 ވަނަ މާއްދާއާއި ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުމާބެހޭ ގަވާއިދާ ޚިލާފަށް ކަމަށް އިސްތިއުނާފު ކުރާ ފަރާތުން ބުނި ނަމަވެސް، ކައުންސިލުން ކުރި އިއުލާނާއި މާރކްސް ދިނުމުގެ އުސޫލު، އެ ގަވާއިދާ ޚިލާފުވާ ގޮތެއް އާމިނަތު ޤާސިމަށް ސާފުކޮށް ނުދެވޭކަމަށެވެ.

އައު ޝަރުތު ހިމެނުމަށް ހުއްދަދީފައިވޭތޯ؟

އދ.މާމިގިލީ ކައުންސިލްގެ އިދާރާއިން 2 މާރޗް 2016 ގެ ތާރީޚުގައި މިނިސްޓްރީ އޮފް ހައުސިންގ އަށް ފޮނުވާފައިވާ ސިޓީ އާއެކު "ގޯއްޗަށް އެދޭ މީހުންނަށް ޕޮއިންޓް ދިނުމުގެ އުސޫލު" ފޮނުވާ، އެ އުސޫލުގައިވާ ގޮތަށް ޕޮއިންޓް ދިނުމާމެދު ދެކޭގޮތް ސާފުކޮށްދިނުމަށް އެދިފައިވެއެވެ.

މި ސިޓީއަށް ހަވާލާދީ (މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ) މޯލްޑިވްސް ލޭންޑް އެންޑް ސަރވޭ އޮތޯރިޓީން އދ.މާމިގިލީ ކައުންސިލްގެ އިދާރާއަށް ފޮނުވާފައިވާ ޖަވާބުގައި އަންނަނިވި އިރުޝާދު ދީފައިވެއެވެ.

އުސޫލުގެ 7 ވަނަ ނަންބަރުގެ (ހ) އަދި (ށ) ގައި ޕޮއިންޓް އުނިކުރުމަށް ކަނޑައަޅާފައިވާ މިންވަރު މަދުކުރުން.

"މިއުސޫލުގެ 4 ވަނަ ނަންބަރުގެ (ހ) ގައިވާ ދަރިންގެ އަދަދަށް ޕޮއިންޓް ދިނުމުގައި 02 ދަރިންނަށް ވުރެ ގިނައިން ދަރިން ތިބިކަމުގައިވީ ނަމަވެސް ދެވޭނީ ޖުމްލަ 10 ޕޮއިންޓެވެ. އަދި ދަރިންގެ ބަޔަށް ޕޮއިންޓް ދިނުމުގައި ބެލެވޭނީ އުމުރުން 21 އަހަރު ނުފުރޭ، އަދި އެ ކުއްޖާގެ އަމިއްލަ ގޯއްޗެއް ނެތް ދަރިންނަށެވެ. ކައިވެނި ރޫޅިފައިވާ އާއިލާއެއްގައި ދަރިން ބަލަނީ މަންމަ ކަމުގައިވެފައި ބައްޕަ ޚަރަދުކުރާކަމަށް ސާބިތުކޮށްފިނަމަ، ދަރިންގެ ބަޔަށް ލިބޭ ޕޮއިންޓް ދެބަޔަށް ބަހާނީއެވެ. އެ ނޫން ހާލަތުގައި ޕޮއިންޓް ލިބޭނީ ދަރިން ބަލާ ފަރާތަށެވެ" މިފަދައިން އުސޫލުގެ އިތުރު ތަފްސީލުގެ 4 ވަނަ ނަންބަރު އިސްލާހުކުރުން.

"ދެމަފިރިންނަށްވެސް ގޯތިލިބޭ މިންވަރަށް ޕޮއިންޓް ލިބުނު ނަމަވެސް ދެމަފިރިންނަށް ދެ ގޯއްޗެއް ނުދެވޭނެއެވެ. މިހާލަތުގައި އެ ގޯތި ރަޖިސްޓަރީކުރާނީ ދެމަފިރިންގެ ނަމުގައެވެ. މިގޮތަށް ދެމަފިރިންގެ ނަމުގައި ގޯތި ރަޖިސްޓަރީކުރުމަށް އެ ދެމަފިރިން އިންކާރުކުރާނަމަ ގޯތިލިބޭ ފަރާތް ކަނޑައަޅާނީ އެ ދެމަފިރިން ވާހަކަ ދައްކައިގެންނެވެ. އަދި އެގޮތަށްވެސް އެއްބަސް ނުވެވޭނަމަ ގޯތިލިބޭ ފަރާތް ކަނޑައަޅާނީ ގުރުއަތުލައިގެންނެވެ" މިފަދައިން އުސޫލުގެ ގޯތިލިބޭގޮތުގެ 3 ވަނަ ނުކުތާ އިސްލާހުކުރުން.

ގޯއްޗަށް އެދި ކުރިމަތިލެވޭނެ މީހުންގައި ހުންނަންޖެހޭ ޝަރުތުތައް ބަޔާންކޮށްފައިވަނީ ބިމާބެހޭ ޤާނޫނުގެ ދަށުން އެކުލަވާލާފައިވާ ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުމާބެހޭ ގަވާއިދުގެ 7 ވަނަ މާއްދާގައެވެ. އެ ގަވާއިދުގެ 10 ވަނަ މާއްދާގައިވާ ގޮތުން، ގޯތި ދޫކުރާއިރު، އެފަހަރަކު ގޯތި ދޫކުރުމަށް ހަމަޖެހިފައިވާ ސަރަހައްދަށާއި، ބިމުގެ ތަނަވަސްކަމަށާއި، ބިން ބޭނުންކުރުމުގެ ޕްލޭންތަކަށް ބެލުމަށްފަހު، އެ ސަރަހައްދުން ގޯތި ދޫކުރުމުގައި، ގަވާއިދުގެ 7 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޝަރުތުތަކުގެ އިތުރުން ޝަރުތު ކަނޑައެޅި ދާނެއެވެ. އެ ފަދަ އިތުރު ޝަރުތު ކަނޑައެޅޭނީ މިނިސްޓްރީ އޮފް ހައުސިންގއަށް ހުށަހަޅާ، މިނިސްޓްރީގެ ހުއްދައާ އެކުގައެވެ. އަދި އެ އިތުރު ޝަރުތުތައް ގޯތި ދޫކުރުމަށް ކުރެވޭ އިޢުލާނުގައި ހިމަނަންވާނެއެވެ.

ގޯތި ދޫކުރުމަށް ހަމަޖެހުމުން، ގޯތި ދޫކުރާ ފަރާތުން އާންމުކޮށް ކުރާ އިއުލާނުގައި ހިމަނަންޖެހޭ ކަންކަމުގެ ތެރޭގައި (އެހެނިހެން ކަންކަން ހިމެނޭގޮތުން) ގޯއްޗަށް އެދި ކުރިމަތިލެވޭނެ މީހުންގައި ހުންނަންޖެހޭ ޝަރުތުތަކާއި، ގަވާއިދުގެ ދަށުން ކަނޑައަޅާ އިތުރު ޝަރުތުތައް ހިމަނަންވާނެ ކަމަށް ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުމާބެހޭ ގަވާއިދުގެ 13 ވަނަ މާއްދާގައި ބަޔާންކޮށްފައިވެއެވެ.

ގޯއްޗަށް އެދި ހުށަހަޅާ ފަރާތުގެ އަނބިމީހާ/ފިރިމީހާ އަށް ގޯއްޗެއް ލިބިފައިވާނަމަ، ގޯއްޗަށް އެދި ހުށަހަޅާ ފަރާތަށް ގޯތި ނުލިބޭނެކަމަށް ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުމާބެހޭ ގަވާއިދުގެ 7 ވަނަ މާއްދާގައި ނޯވެއެވެ. އެހެންކަމުން، އެއީ އިތުރު ޝަރުތެއްގެ ގޮތުގައި ކަނޑައެޅުމަށް އދ.މާމިގިލީ ކައުންސިލްގެ އިދާރާއިން އެދޭނަމަ، އާ ޝަރުތެއްގެ ގޮތުގައި އެކަން ކަނޑައެޅޭނީ މިނިސްޓްރީ އޮފް ހައުސިންގ ގެ ހުއްދައާއެކުގައެވެ.

މި މައްސަލައާ ގުޅިގެން ދަށު ކޯޓާއި ހައިކޯޓަށް ހުށަހަޅާފައިވާ ލިޔެކިޔުންތަކަށް ބެލުމުން، އދ.މާމިގިލީ ކައުންސިލްގެ އިދާރާއިން މިނިސްޓްރީ އޮފް ހައުސިންގއަށް ފޮނުވާފައިވާ ކަމަށް ފެންނަން އޮތް ހަމައެކަނި ސިޓީއަކީ (މި ރައުޔުގެ 24 ޕެރެގްރާފްގައި ބަޔާންކޮށްފައިވާ) 02 މާރޗް 2016 ގައި އެ ކައުންސިލުން ފޮނުވާފައި އޮތް ސިޓީއެވެ. އެ ސިޓީގައި މިނިސްޓްރީ އޮފް ހައުސިންގ ގެ ކިބައިން އދ.މާމިގިލީ ކައުންސިލްގެ އިދާރާއިން އެދިފައިވަނީ އެ ކައުންސިލުން އެކުލަވާލާފައިވާ "ގޯއްޗަށް އެދޭ މީހުންނަށް ޕޮއިންޓް ދިނުމުގެ އުސޫލު" އާމެދު އެ މިނިސްޓްރީން ދެކޭގޮތް އަންގާދިނުމަށެވެ. އެ ސިޓީގައި ގޯއްޗަށް އެދި ކުރިމަތިލެވޭނެ މީހުންގައި ހުންނަންޖެހޭ ޝަރުތުތަކަށް އެއްވެސް އިޝާރާތެއް ކޮށްފައިނުވެއެވެ. އަދި ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުމާބެހޭ ގަވާއިދުގެ 7 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޝަރުތުތަކަށް، އެ ގަވާއިދުގެ 10 ވަނަ މާއްދާގައިވާ ފަދައިން އިތުރު ޝަރުތެއް ކަނޑައަޅާދިނުމަށް އެދިފައި ނުވެއެވެ. އަދި މިނިސްޓްރީ އޮފް ހައުސިންގ ގެ ދަށުން ހިނގަމުންދިޔަ މޯލްޑިވްސް ލޭންޑް އެންޑް ސަރވޭ އޮތޯރިޓީއިން އދ.މާމިގިލީ ކައުންސިލްގެ އިދާރާއަށް ފޮނުވި ޖަވާބުގައި އެ އޮތޯރިޓީއިން ބަޔާންކޮށްފައިވަނީ ޕޮއިންޓް ދިނުމުގެ އުސޫލަށް ގެންނަން ފެންނަ ބަދަލުތަކެވެ. އެ ޖަވާބުގައި ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުމާބެހޭ ގަވާއިދުގައި ބަޔާންކޮށްފައިވާ ޝަރުތުތަކުގެ އިތުރުން، އައު ޝަރުތެއް އިއުލާނުގައި ހިމެނުމާގުޅިގެން ހުއްދައެއް ނުވަތަ ލަފައެއްވެސް ދީފައިނުވެއެވެ.

ދެމަފިރިންނަށް ދެ ގޯތި ނުލިބޭނެ އުސޫލަކީ ޝަރުތެއްތޯ؟

އދ.މާމިގިލީ ކައުންސިލްގެ އިދާރާއިން ބުނާގޮތުގައި، ގޯއްޗަށް އެދި ހުށަހަޅާ ފަރާތުގެ އަނބިމީހާ/ފިރިމީހާ އަށް ގޯއްޗެއް ލިބިފައިވާނަމަ، ގޯއްޗަށް އެދި ހުށަހަޅާ ފަރާތަށް ގޯތި ނުލިބޭނެކަމަށް ބަޔާންކޮށްފައިވަނީ "ދިރިއުޅުމަށް އަލަށް ގޯތިނަގާ މީހުންގެ ހުންނަންވީ ޝަރުތު" ގެ ގޮތުގައެވެ. މިކަމަށް އާމިނަތު ޤާސިމް އިންކާރުކޮށް، އެއީ ޝަރުތެއްގެ ގޮތުގައި ހިމަނާފައިވާ ނުކުތާއެއް ނޫންކަމުގައި ބުނެއެވެ.

ގޯތި ދޫކުރުމަށް އާންމުކޮށް ކުރާ އިއުލާނުގައި (އެހެނިހެން ކަންކަން ހިމެނޭގޮތުން) ގޯއްޗަށް އެދި ކުރިމަތިލެވޭނެ މީހުންގައި ހުންނަންޖެހޭ ޝަރުތުތަކާއި، ގަވާއިދުގެ ދަށުން ކަނޑައަޅާ އިތުރު ޝަރުތުތައް ހިމަނަންޖެހޭ ހިނދު، އދ.މާމިގިލީ ކައުންސިލްގެ އިދާރާއިން ކޮށްފައިވާ އިޢުލާނަށް ބަލާއިރު، އިޢުލާނުގައި ހިމަނާފައިވާ ގޯއްޗަށް އެދި ކުރިމަތިލެވޭނެ މީހުންގައި ހުންނަންޖެހޭ ޝަރުތުތަކުގެ ތެރޭގައި، ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުމާބެހޭ ގަވާއިދުގެ 7 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޝަތުރުތަކުގެ އިތުރުން ޝަރުތެއް ބަޔާންކޮށްފައި ނުވެއެވެ.

އަދި އަނބިމީހާ/ފިރިމީހާ އަށް ގޯއްޗެއް ލިބިފައިވާނަމަ، ގޯއްޗަށް އެދި ހުށަހަޅާ ފަރާތަށް ގޯތި ނުލިބޭނެކަމަށް ބަޔާންކޮށްފައި އޮތް އޮތުމަކީ އިއުލާނުގައި ހިމަނާފައިވާ ޝަރުތެއްކަން ނުވަތަ ނޫންކަމުގެ މައްޗަށް ބަލާއިރު، ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުމާބެހޭ ގަވާއިދުގެ 10 ވަނަ މާއްދާގައިވާ ފަދައިން އދ.މާމިގިލީ ކައުންސިލްގެ އިދާރާއިން ގޯއްޗަށް އެދި ކުރިމަތިލެވޭނެ މީހުންގައި ހުންނަންޖެހޭ އިތުރު ޝަރުތެއް ކަނޑައަޅާދިނުމަށް އެދިފައިވާކަން އެނގެން ނެތެވެ. އަދި މިނިސްޓްރީ އޮފް ހައުސިންގ އިން އެފަދަ އިތުރު ޝަރުތެއް ހިމެނުމުގެ ހުއްދަ ދީފައިވާކަންވެސް އެނގެން ނެތެވެ.

އެހެންކަމުން، އދ.މާމިގިލީ ކައުންސިލުންކުރި އިއުލާނުގައި ގޯއްޗަށް އެދި ހުށަހަޅާ ފަރާތުގެ އަނބިމީހާ/ފިރިމީހާ އަށް ގޯއްޗެއް ލިބިފައިވާނަމަ، ގޯއްޗަށް އެދި ހުށަހަޅާ ފަރާތަށް ގޯތި ނުލިބޭނެކަމަށް ބަޔާންކޮށްފައި އޮތް އޮތުމަކީ ގޯއްޗަށް އެދި ކުރިމަތިލެވޭނެ މީހުންގައިގާ ހުންނަންޖެހޭ ޝަރުތެއް ކަމުގައި ޤާނޫނީ ގޮތުން ބެލެވެން އޮތްކަމުގައި ނުދެކެމެވެ.

ތިންވަނަ އިސްތިއުނާފީ ނުކުތާ

ހައިކޯޓުގެ ޙުކުމުގައި އިތުރު ޝަރުތު ހިމެނުމަށް ހުއްދަ ދީފައިވާކަން ދަލާލާތުކޮށްދޭ ކަމަށް ހައިކޯޓުން ބަޔާންކޮށްފައިވާ ދެ ސިޓީއަކީ ދަށުކޯޓަށް ހުށަހަޅާފައި ނުވާ ދެ ސިޓީ ކަމުގައިވެފައި، މި ދެ ސިޓީއަކީ ދަށުކޯޓުގައި މައްސަލަ ހިނގަމުން ދިޔައިރު ހުށަހެޅުމުގެ ފުރުޞަތު އޮތް ސިޓީތަކެއް ކަމުގައިވުމުން، އެ ސިޓީތަކަކީ އިތުރު ޝަރުތު ކަނޑައެޅުމަށް ހުއްދަދީފައިވާ ސިޓީކަމުގައި ބަލައި ހައިކޯޓުން ގޮތް ކަނޑައަޅާފައިވަނީ ސުޕްރީމް ކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ހާމިދު އިސްމާޢިލް ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުސޫލާ ޚިލާފަށް ކަމުގައި ބުނެ އާމިނަތު ޤާސިމްގެ ފަރާތުން ހުށަހަޅާފައިވާ އިސްތިއުނާފީ ނުކުތާގެ ރައްދުގައި، އާމިނަތު ޤާސިމް ހަވާލާދީފައިވާ ސިޓީތައް ދަށުކޯޓަށް ހުށަހެޅިފައިނުވަނީ އިސްތިއުނާފު ކުރާ ފަރާތުން އިއުލާނުގައި ހިމެނޭ ޝަރުތަކަށް ހުއްދަދީފައިނުވާ ކަމަށް ބުނެ ފާހަގަކޮށްފައިވާ ނުކުތާއަކީ މުޅިން އަލަށް ހައިކޯޓުގައި ފާހަގަކުރި ނުކުތާއަކަށްވާތީ ކަމަށް އދ.މާމިގިލީ ކައުންސިލްގެ އިދާރާއިން ބުނެއެވެ.

ތެދެކެވެ. އާމިނަތު ޤާސިމްގެ ފަރާތުން ހައިކޯޓަށް ހުށަހެޅި އިސްތިއުނާފީ ނުކުތާތަކުގެ ތެރޭގައި އދ.މާމިގިލީ ކައުންސިލްގެ އިދާރާއިން އަނބިމީހާ/ފިރިމީހާ އަށް ގޯއްޗެއް ލިބިފައިވާނަމަ، ގޯއްޗަށް އެދި ހުށަހަޅާ ފަރާތަށް ގޯތި ނުލިބޭނެކަމަށް ބަޔާންކޮށްފައި އޮތުމަށް ގަވާއިދުގައި ބަޔާންކުރާ ފަދައިން ހުއްދަދީފައިނުވާ ކަމަށް ބުނެ ނުކުތާއެއް ފާހަގަކޮށްފައިވެއެވެ. އެހެންނަމަވެސް، މިނުކުތާ ބިނާވަނީ އާމިނަތު ޤާސިމްގެ ފަރާތުން އދ.މާމިގިލީ މެޖިސްޓްރޭޓް ކޯޓަށް މައްސަލަ ހުށަހެޅިއިރު، އަނބިމީހާ/ފިރިމީހާ އަށް ގޯއްޗެއް ލިބިފައިވާނަމަ، ގޯއްޗަށް އެދި ހުށަހަޅާ ފަރާތަށް ގޯތި ނުލިބޭނެކަމަށް ބަޔާންކޮށްފައި އޮތް އޮތުމަކީ ޤާނޫނާ ޚިލާފު ކަމެއް ކަމުގައި ބުނެފައިވާ ބުނުމުގެ މައްޗަށެވެ. ދަށުކޯޓުގައި އާމިނަތު ޤާސިމްގެ ފަރާތުން ބުނެފައިވާ ގޮތުން އަނބިމީހާ/ފިރިމީހާ އަށް ގޯއްޗެއް ލިބިފައިވާނަމަ، ގޯއްޗަށް އެދި ހުށަހަޅާ ފަރާތަށް ގޯތި ނުލިބޭނެކަމަށް ބަޔާންކޮށްފައި އޮތް އޮތުމަކީ ޝަރުތެއް ނޫނެވެ. އަދި އިއުލާނުގައިވާ ޝަރުތުތައް އޭނާގެ ކިބައިގައި ފުރިހަމަވެއެވެ.

މި ނުކުތާއާމެދު އދ.މާމިގިލީ މެޖިސްޓްރޭޓް ކޯޓަށް އދ.މާމިގިލީ ކައުންސިލްގެ އިދާރާގެ ފަރާތުން ހުށަހަޅާފައިވާ ހުށަހެޅުމަށް ބަލާއިރު، އދ.މާމިގިލީ ކައުންސިލްގެ އިދާރާގެ ފަރާތުން ހުށަހަޅާފައިވާ ޖަވާބުގައި އާމިނަތު ޤާސިމްގެ ފޯމު ބާތިލުކޮށްފައިވަނީ އޭނާއަކީ ގޯތި ލިބުމުގެ ޝަރުތު ފުރިހަމަވާ ފަރާތެއްކަމުގައި ނުވާތީ ކަމާއި، ގޯއްޗަށް އެދޭ ފަރާތް ނުވަތަ ގޯއްޗަށް އެދޭ ފަރާތުގެ އަނބި ނުވަތަ ފިރިމީހާއަށް ދިވެހިރާއްޖޭގެ އެއްވެސް ތަނަކުން ގޯއްޗެއް ނުވަތަ ގޯއްޗަކުން ބައެއް އަދި ފްލެޓެއް ނުވަތަ ފްލެޓަކުން ބައެއް ލިބިފައިވާނަމަ އެފަރާތަކަށް ގޯއްޗެއް ދޫނުކުރެވޭނެ ކަމަށް ބަޔާންކޮށްފައި އޮތް އޮތުމަކީ ޝަރުތެއް ކަމުގައި ބަޔާންކޮށްފައިވެއެވެ.

ގޯއްޗަށް އެދޭ ފަރާތުގެ އަނބިމީހާ/ފިރިމީހާ އަށް ގޯއްޗެއް ލިބިފައިވާނަމަ، ގޯއްޗަށް އެދި ހުށަހަޅާ ފަރާތަށް ގޯތި ނުލިބޭނެކަމަށް ބަޔާންކޮށްފައި އޮތް އޮތުމަކީ ޤާނޫނާ ޚިލާފު ކަމެއް ކަމުގައި ދަޢުވާ ހުށަހަޅަމުން ބުނެ ފައިވާއިރު، އެއީ ޝަރުތެއް ކަމުގައި ބުނާނަމަ، އަދި އެ ޝަރުތަކީ ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުމާބެހޭ ގަވާއިދުގައި ބަޔާންކޮށްފައިވާ ޝަރުތެއް ނޫންނަމަ، އެއީ ގަވާއިދުގައިވާ ފަދައިން އިތުރު ޝަރުތެއްގެ ގޮތުގައި ހިމަނާފައިވާ ކަމެއްކަން ސާބިތުކޮށްދިނުމުގެ ގޮތުން ހެކި ހުށަހެޅުމަކީ އދ.މާމިގިލީ ކައުންސިލްގެ އިދާރާގެ ޒިންމާއެކެވެ. އެހެންނަމަވެސް، ގަވާއިދުގައި ބަޔާންކޮށްފައިވާ ފަދައިން އިތުރު ޝަރުތެއް ހިމެނުމަށް ހުއްދަ ހޯދިކަން ސާބިތުކޮށްދިނުމުގެ ގޮތުން އދ.މާމިގިލީ ކައުންސިލްގެ އިދާރާއިން ދަށުކޯޓަށް އެއްވެސް ހެއްކެއް ހުށަހަޅާފައި ނުވެއެވެ. އަދި އެހެންކަމުން، މިއީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް ވ. ސީ އެންޑް ސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ގައި ދަށުކޯޓަށް ހުށަނޭޅޭ އައު ހެކި ހުށަހެޅިދާނެ ހާލަތެއްގައި ހުށަހަޅާފައިވާ ހެކިކަމުގައި އަހުރެން ނުދެކެމެވެ.

އަދި ބަހުސްގެ ބޭނުމަށްޓަކައި، މި އައު ހެކި ހައިކޯޓަށް ހުށަހަޅާފައިވަނީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް ވ. ސީ އެންޑް ސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ގެ 23 ވަނަ ޕެރެގްރާފްގެ (3) އަދި (4) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފަދަ ހާލަތެއް މެދުވެރިވެގެން ކަމުގައި ބެލި ނަމަވެސް، މި މައްސަލައިގައި ހުށަހަޅާފައިވާ އިސްތިއުނާފީ ފުރަތަމަ ދެ ނުކުތާގައި ފާހަގަކޮށްފައިވާ ކަންކަމަށް ބެލުމުން، ހެކި ހުށަހެޅިފައިވާ މަރުހަލާއަށް ބިނާކޮށް މައްސަލައިގެ ނަތީޖާއަށް ބަދަލުތަކެއް އަންނާނެކަމުގައި އަހުރެން ނުދެކެމެވެ.

ނިންމަންފެންނަ ގޮތް

މި މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުގައި އާމިނަތު ޤާސިމްގެ ފަރާތުން އެދިފައިވަނީ (1) ދިވެހިރާއްޖޭގެ ހައިކޯޓުން މައްސަލަ ނިންމާފައިވަނީ ރަނގަޅަށް ނޫންކަމުގައި ކަނޑައަޅާ ދިނުމަށާއި، (2) އާމިނަތު ޤާސިމް ހުށަހެޅި ފޯމު ބާތިލުކޮށްފައިވަނީ ރަނގަޅަށް ނޫން ކަމުގައި ކަނޑައަޅާދިނުމަށާއި، (3) އާމިނަތު ޤާސިމް ހުށަހެޅި ފޯމު ބަލައިގަނެ އިވޭލުއޭޓްކޮށް، މާކްސް ދިނުމަށް އދ.މާމިގިލީ ކައުންސިލްގެ އިދާރާގެ މައްޗަށް އަމުރުކޮށް ދިނުމަށާއި، (4) އާމިނަތު ޤާސިމްއަށް 50 (ފަންސާސް) މާކުހުން މަތިން ލިބިއްޖެނަމަ، އޭނާއަކީ ގޯތި ލިބޭ ފަރާތެއް ކަމުގައި ކަނޑައަޅައި، ގޯތި ދޭ އިރަކުން އާމިނަތު ޤާސިމްއަށްވެސް ގޯތި ދިނުމަށް އަންގާ އަމުރުކޮށްދިނުމަށެވެ.

އިސްތިއުނާފީ ނުކުތާތަކާ ގުޅިގެން އިސްވެ ފާހަގަކޮށްފައިވާ ކަންކަމުގެ އަލީގައި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2019/HC-A/01 ޤަޟިއްޔާ ނިންމާފައިވަނީ ރަނގަޅަށް ކަމުގައި އަހުރެން ނުދެކެމެވެ. އަދި އާމިނަތު ޤާސިމްއަކީ ދިރިއުޅުމަށްޓަކައި އަލަށް ގޯތި ނަގާ މީހުންގެ ހުންނަންވާ ޝަތުރު ފުރިހަމަ ނުވާ ފަރާތެއް ކަމުގައިބަލާ، އޭނާ ހުށަހެޅި ފޯމު އދ.މާމިގިލީ ކައުންސިލްގެ އިދާރާއިން ބާތިލުކޮށްފައިވަނީ ރަނގަޅަށް ކަމުގައިވެސް ނުދެކެމެވެ. މީގެ ނަތީޖާއަކަށް ވެގެންދާނީ، އދ.މާމިގިލީ ކައުންސިލްގެ އިދާރާއިން އާމިނަތު ޤާސިމް ހުށަހެޅި ފޯމު ބަލައިގަނެ، އެ ފޯމު އިވޭލުއޭޓްކޮށް އެއަށް ޕޮއިންޓްދީ، ގޯތި ލިބިދިނުމަށް އޮތް އުސޫލުގެ ތެރެއިން އޭނާއަށް ލިބޭ ޕޮއިންޓްގެ ނިސްބަތުން ފުރަތަމަ 150 (އެއްސަތޭކަ ފަންސާސް) މީހުންގެ ތެރޭގައި ހިމެނޭނަމަ، އާމިނަތު ޤާސިމްއަށް ގޯތި ލިބިދިނުމެވެ.

އެހެންނަމަވެސް، 2016 ވަނަ އަހަރު ގޯތި ދޫކުރުމަށް ކުރެވުނު އިޢުލާނާ ގުޅިގެން ގޯތި ދޫކޮށް ނިމިފައިވާ ކަމުގައި އދ.މާމިގިލީ ކައުންސިލްގެ އިދާރާއިން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ބަޔާންކޮށްފައިވާތީ، އެ އިޢުލާނާ ގުޅިގެން އާމިނަތު ޤާސިމްއަށް މިހިނދުގައި ގޯއްޗެއް ދެވޭނެ ޙާލަތެއް ވުޖޫދުކުރެވޭނެ ކަމުގައި ނުފެނެއެވެ.

ހަމައެއާއެކު، އދ.މާމިގިލީ ކައުންސިލްގެ އިދާރާއިން އާމިނަތު ޤާސިމް ގޯތި ހޯދުމަށް އެދި ހުށަހެޅި ފޯމު ބާތިލުކޮށްފައިވަނީ ޤާނޫނީގޮތުން ބުރަދަނެއް ހުރި ސަބަބެއްގެ މައްޗަށް ބިނާކޮށް ކަމުގައިނުވެފައި، އދ.މާމިގިލީ ކައުންސިލްގެ އިދާރާގެ އެ ނިންމުމުގެ ސަބަބުން އާމިނަތު ޤާސިމްގެ ޙައްޤަކަށް އުނިކަމެއް ލިބިފައިވާތީ އާމިނަތު ޤާސިމްއަށް އޭގެ ފަރުވާއެއް ލިބިދޭންޖެހެއެވެ.

މިގޮތުން އަހުރެންނަށް ފެންނަނީ އދ.މާމިގިލީ ކައުންސިލްގެ އިދާރާއިން ދެން ގޯތި ދޭ އިރަކުން އާމިނަތު ޤާސިމް ގޯއްޗަކަށް އެދި ހުށަހަޅައި، ޝަރުތު ފުރިހަމަވާނަމަ، އޭނާއަށް ގޯއްޗެއް ލިބިދޭންޖެހޭ ކަމުގައެވެ. އަދި 2016 ވަނަ އަހަރު އާމިނަތު ޤާސިމް ގޯއްޗަކަށް އެދުނުހިނދު، އޭނާ ހުށަހެޅި ފޯމު ބާތިލުކޮށްފައިވަނީ އޭނާގެ ފިރިމީހާގެ ގޯއްޗެއް އޮތްކަމަށް ބުނެކަމުގައިވާތީ، އެކަމުގެ މައްޗަށް ބިނާކޮށް، އދ.މާމިގިލީ ކައުންސިލުން ދެން ގޯތިދޭ ބުރެއްގައި، އާމިނަތު ޤާސިމް ގޯއްޗަށް އެދި ހުށަހަހަޅާ ހުށަހެޅުމެއް ބާޠިލު ނުކުރުމަށެވެ.

އެހެނިހެން ކަންކަން

މި މައްސަލައިގައި ހިމެނޭ އިއުލާނާއި އުސޫލުގެ އަލީގައި ދެކެވުނު ވާހަކަތަކުން، ހަމަހަމަކަމާއި ހަމަހަމަ ފުރުސަތު ލިބިދިނުމާ ގުޅޭގޮތުން ފާހަގަކުރެވޭ ކަންތައްތަކެއް އެބަހުއްޓެވެ. އެކަންކަމަކީ މައްސަލައިގައި އިސްތިއުނާފު ކުރެވުނު ޤާނޫނީ ނުކުތާތަކަށް ގޮތް ކަނޑައެޅުމުގައި އޭގެ މައްޗަށް އަހުރެންގެ ރައުޔު ބިނާކުރި ސަބަބު ކަމުގައި ނުވިނަމަވެސް، އެ ކަންކަމަކީ ގޯތި ދޫކުރުމުގައި ހަމަހަމަކަން ޤާއިމުކޮށް ނެގެހެއްޓުމަށްޓަކައި، އަދި ހަމަހަމަ ފުރުސަތު ލިބިދިނުމަށްޓަކައި ޤާނޫނު ހަދާ ފަރާތްތަކުންނާއި ސިޔާސަތު ކަނޑައަޅާ ފަރާތްތަކުން ރިއާޔަތްކުރުން މުހިންމު ނުކުތާތަކެއް ކަމުގައިވާތީ، އެ ފަރާތްތަކުގެ ސަމާލުކަމަށް އެކަން ފާހަގަކުރަމެވެ.

ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރައުޔު

މި މައްސަލައިގައި ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްގެ ރައުޔު

މި މައްސަލައިގައި ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

ޙުކުމް

ދެންފަހެ، އިސްވެ ބަޔާންވެދިޔަ ކަންކަން އެ ގޮތުގެމަތިން ހުރުމާއެކު،

(ހ) އިސްތިއުނާފު ކުރެވުނު ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2019/HC-A/01 ޤަޟިއްޔާއިން ކޮށްފައިވާ ޙުކުމަކީ ޤާނޫނީ އުސޫލުތަކާ ޚިލާފަށް ކޮށްފައިވާ ޙުކުމެއް ކަމުގައިވާތީ އެ ޙުކުމް ބާޠިލުކޮށް،

(ށ) އާމިނަތު ޤާސިމްގެ ފަރާތުން އދ. މާމިގިލި ކައުންސިލްގެ އިދާރާއަށް ހުށަހެޅި ނަންބަރު 469/2016 (11 އޭޕްރީލް 2016) ދިރިއުޅުމަށްޓަކައި ދޫކުރާ ބަންޑާރަ ގޯއްޗަށް އެދޭ ފޯމު ބާތިލުކޮށްފައިވަނީ ޤާނޫނީގޮތުން ބުރަދަނެއް ހުރި ސަބަބެއްގެ މައްޗަށް ބިނާކޮށް ނޫންކަމުގައި ކަނޑައަޅައި،

(ނ) އދ.މާމިގިލީ ކައުންސިލުން ދެން ގޯތިދޭ ބުރެއްގައި އާމިނަތު ޤާސިމް ގޯއްޗަކަށް އެދި ހުށަހަޅައި، އޭނާގެ ޝަރުތު ފުރިހަމަވާނަމަ، އާމިނަތު ޤާސިމްއަށް ގޯއްޗެއް ލިބިދިނުމަށާއި، އާމިނަތު ޤާސިމްގެ ފިރިމީހާގެ ގޯއްޗެއް އޮތުމުގެ މައްޗަށް ބިނާކޮށް އާމިނަތު ޤާސިމް ގޯއްޗަކަށް އެދި ހުށަހަޅާ ހުށަހެޅުމެއް ބާޠިލު ނުކުރުމަށް އދ.މާމިގިލީ ކައުންސިލްއަށް އަންގައި،

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމްކޮށްފީމެވެ.

މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ:

ޙުސްނުއްސުޢޫދުޢާއިޝާ ޝުޖޫން މުޙައްމަދުމުޙައްމަދު އިބްރާހީމް(ރިޔާސަތު)

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ޝެއަރ ކުރައްވާ