ދިވެހިރާއްޖޭގެ މަތީ މަރުޙަލާގެ ކޯޓުތަކުން ކަނޑައަޅާފައިވާ ޤާނޫނީ އުޞޫލުތައް

Maldives Legal Precedents

Saeed Lex
[2022] SC 27 · 2021/SC-A/65ސުޕްރީމް ކޯޓު · 11 މޭ 2022

ބީ.އެމް.ސީ. ސްލިޕްވޭ އެންޑް ސަލްވޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް ވ. މޯލްޑިވްސް ޕޯޓްސް ލިމިޓެޑް

ސުޕްރީމް ކޯޓު
ފަހުގެ ޙުކުމެއްގައި ޙަވާލާދީފައެއް ނުފެނޭޙުކުމުގެ ހާލަތު
ސުޕްރީމް ކޯޓު · 11 މޭ 2022ބާވަތް: މަދަނީ

ޚުލާޞާ

ޚުލާޞާ ނެތް.

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
—
ފަހުގެ ތާރީޚު
—

ނިންމުން

—

ކޯ ޓާމްސް

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

މި ލިޔުމުން އުޞޫލެއް ނުނެގުނު.

ފަނޑިޔާރުން

ބެންޗު
—
ޚިލާފު ރައުޔު
ނެތް

ޝަރީޢަތުގެ ވީޑިއޯ

ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.

ބީ.އެމް.ސީ. ސްލިޕްވޭ އެންޑް ސަލްވޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް ވ. މޯލްޑިވްސް ޕޯޓްސް ލިމިޓެޑް

ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔު (ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިން އަދި ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމް ތާއީދު ކުރައްވާފައި)

ތަޢާރުފު

މިއީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2019/HC-A/356 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށްޓަކައި ބީ.އެމް.ސީ. ސްލިޕްވޭ އެންޑް ސަލްވޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (ރަޖިސްޓްރީ ނަންބަރު C-0190/2014) (މީގެ ފަހުން "އިސްތިއުނާފު ކުރާ ފަރާތް" ނުވަތަ "ބީ.އެމް.ސީ. ސްލިޕްވޭ އެންޑް ސަލްވޭޖް ކޮމްޕެނީ") ގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅުމުން ބެލި އިސްތިއުނާފީ މައްސަލައެކެވެ. މި ޤަޟިއްޔާގައި އިސްތިއުނާފު ރައްދުވަނީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (ރަޖިސްޓްރީ ނަންބަރު C-846/2008) (މީގެ ފަހުން "އިސްތިއުނާފު ރައްދުވާ ފަރާތް" ނުވަތަ "އެމް.ޕީ.އެލް") ގެ މައްޗަށެވެ.

މައްސަލައިގެ ކަންހިނގާފައިވާ ގޮތް

އެމް.ޕީ.އެލް އާއި ބީ.އެމް.ސީ. ސްލިޕްވޭ އެންޑް ސަލްވޭޖް ކޮމްޕެނީއާ ދެމެދު 28 އޮގަސްޓް 2016 ގައި އެމް.ޕީ.އެލްގެ HB-15 ބާޖު (މީގެ ފަހުން "ބާޖު") ބީ.އެމް.ސީ ސްލިޕްވޭ އެންޑް ސަލްވޭޖް ކޮމްޕެނީއަށް ކުއްޔަށްދިނުމަށް އެއްބަސްވިއެވެ (މީގެ ފަހުން "އެއްބަސްވުން"). އެ އެއްބަސްވުމުގެ ދަށުން 150 (އެއްސަތޭކަ ފަންސާސް) ޓަނުގެ ބާޖު ކުއްޔަށްދީފައިވަނީ ތިލަފުއްޓަށް ގެންގޮސް މަރާމާތުކޮށްގެން ބޭނުންކުރުމަށްކަން އެ އެއްބަސްވުން ފެށޭއިރު ބަޔާންކޮށްފައި އޮވެއެވެ.

އަދި ބާޖު ކުއްޔަށް ދޫކޮށްފައިވަނީ ދުވާލަކަށް 4,009/43 ރ. (ހަތަރުހާސް ނުވަރުފިޔާ ސާޅީސް ތިންލާރި) ގެ ކުއްޔަށް ކަމަށާއި، ދަތުރުގެ ދިގުމިން ކަނޑައަޅާނީ ބާޖު އެމް.ޕީ.އެލްގެ ސަރަހައްދުން ނިކުތީއްސުރެ އަނބުރާ އެމް.ޕީ.އެލްގެ ހާބަރަށް ވަންނަ ވަގުތާ ހަމައަށް ކަމަށް އެއްބަސްވުމުގައި ބަޔާންކޮށްފައި އޮވެއެވެ.

އެމް.ޕީ.އެލްގެ "އިކުއިޕްމަންޓް ރެންޓަލް ފޯމު" އަށް ބެލުމުން، ބީ.އެމް.ސީ ސްލިޕްވޭ އެންޑް ސަލްވޭޖް ކޮމްޕެނީން ބާޖު ގެންގޮސްފައިވަނީ ބާޖު ބޭނުންވާނެކަމަށް އެ ފޯމުގައި ބަޔާންކޮށްފައިވާ 5 (ފަހެއް) ދުވަހުގެ ފައިސާ ދެއްކުމަށްފަހުގައިކަން އެނގެއެވެ.

ސިވިލް ކޯޓުގެ މަރުހަލާ

ބާޖު ގެންދިއުމަށްފަހު، ބީ.އެމް.ސީ ސްލިޕްވޭ އެންޑް ސަލްވޭޖް ކޮމްޕެނީން 174 (ސަތޭކަ ހަތްދިހަ ހަތަރެއް) ދުވަހު ބާޖު ބޭނުންކޮށް، އޭގެތެރެއިން 26 (ސައްބީސް) ދުވަހަށްވާ ފައިސާ ދެއްކުމަށްފަހު ބާކީ 148 (ސަތޭކަ ސާޅީސް އަށެއް) ދުވަހަށްވާ ފައިސާ އެމް.ޕީ.އެލް އަށް ދައްކާފައިނުވާތީ ކަމުގައިބުނެ، އެ ފައިސާ ހޯދުމަށް އެދި އެމް.ޕީ.އެލްގެ ފަރާތުން ބީ.އެމް.ސީ ސްލިޕްވޭ އެންޑް ސަލްވޭޖް ކޮމްޕެނީގެ މައްޗަށް ސިވިލް ކޯޓުގައި ދަޢުވާކުރިއެވެ.

ސިވިލް ކޯޓުގެ ނަންބަރު 3439/Cv-C/2018 ޤަޟިއްޔާއިން ބެލުނު އެ މައްސަލައިގައި އެ ކޯޓުން ޙުކުމްކޮށްފައިވަނީ، އެމް.ޕީ.އެލް ގެ ފަރާތުން ހޯދުމަށް އެދި ދަޢުވާކޮށްފައިވާ ފައިސާގެ ތެރެއިން 628,999/37ރ. (ހަލައްކަ އަށާވީސްހާސް ނުވަސަތޭކަ ނުވަދިހަ ނުވަރުފިޔާ ތިރީސް ހަތްލާރި) އަކީ ބީ.އެމް.ސީ ސްލިޕްވޭ އެންޑް ސަލްވޭޖް ކޮމްޕެނީގެ ފަރާތުން އެމް.ޕީ.އެލް އަށް އަދާކުރަންޖެހޭ ފައިސާކަން މަދަނީ މިންގަނޑުތަކުން ސާބިތުވާކަމަށް ކަނޑައަޅައި، އެ ފައިސާ29 އެޕްރީލް 2019 އިން ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި ސިވިލް ކޯޓަށް ދެއްކުމަށެވެ.

އިސްވެ ބަޔާންކޮށްފައިވާ ގޮތަށް ސިވިލް ކޯޓުން ނިންމާފައިވަނީ އަންނަނިވި ކަންކަމުގެ މައްޗަށް ބިނާކޮށްކަން، އެ ކޯޓުގެ ނަންބަރު 3439/Cv-C/2018 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުން އެނގެން އޮވެއެވެ.

ބާޖު މަރާތުކުރުމުގެ ޚަރަދަކީ އެމް.ޕީ.އެލްގެ ފަރާތުން އެއަށް ޒިންމާވާންޖެހޭ ގޮތެއްގައި އޮތް އެއްޗެއް ނޫންކަން ދެފަރާތުގެ މެދުގައި ވެވުނު އެއްބަސްވުމުގެ ދީބާޖާއިން އެނގޭކަމާއި، އެއްބަސްވުމުގެ ދަށުން ދުވާލަކަށް ނޭގޭ ކުލީގެ މިންވަރު އެއްބަސްވުމުގެ 1 ވަނަ މާއްދާއާއި، 2 ވަނަ މާއްދާގައި ބަޔާންކޮށް، އެއްބަސްވުމުގައި ހިމެނޭ 15 (ފަނަރަ) މާއްދާއިންކުރެ އެއްވެސް މާއްދާއެއްގައި ބާޖު މަރާމާތުކުރުމުގެ ޚަރަދަށް އެމް.ޕީ.އެލްއިން ޒިންމާވާންޖެހޭނެކަމަށް ބަޔާންކޮށްފައި ނެތުމުން، އެއްބަސްވުމުގެ ދަށުން ކުއްޔަށްދޫކުރި ބާޖަކީ ބީ.އެމް.ސީ ސްލިޕްވޭ އެންޑް ސަލްވޭޖް ކޮމްޕެނީގެ ޚަރަދުގައި މަރާމާތުކުރުމާއެކު، ބާޖު ބޭނުންކޮށްގެން އެ ފަރާތަށް މަންފާހޯދޭގޮތަށް، ދުވަހު ކުލި ކަނޑައެޅިގެން ކުއްޔަށް ދޫކޮށްފައިވާ ބާޖެއްކަން އެނގެން އޮންނަކަން؛

ދަޢުވާގައި ބަޔާންކޮށްފައިވާ މުއްދަތަކީ ބާޖު މަރާމާތުކުރުމަށް ހިނގި މުއްދަތުކަމަށްވާތީ، އެ މުއްދަތަށް ކުލި ދައްކަން ނުޖެހޭކަމަށް ބީ.އެމް.ސީ ސްލިޕްވޭ އެންޑް ސަލްވޭޖް ކޮމްޕެނީން ބުނި ނަމަވެސް އެ ބުނުމަކީ ރަނގަޅު ބުނުމެއް ނޫންކަން؛

ދެ ފަރާތުގެ މެދުގައި އެއްބަސްވުން ވެވެނު ތާރީޚުން ފެށިގެން ބާޖު ހަވާލުކުރުމާ ހަމައަށް 174 (ސަތޭކަ ހަތްދިހަ ހަތަރެއް) ދުވަސް ހިނގާފައިވާކަމާއި، އޭގެތެރެއިން26 (ސައްބީސް) ދުވަހުގެ ކުލި ބީ.އެމް.ސީ ސްލިޕްވޭ އެންޑް ސަލްވޭޖް ކޮމްޕެނީގެ ފަރާތުން އަދާކޮށްފައިވާ ކަމަށް އެމް.ޕީ.އެލްއިން އިންކާރު ނުކުރާކަން؛

އެއްބަސްވުމުގެ ދަށުން ދުވާލަކަށް ކަނޑައެޅުނު ކުލީގެ ރޭޓުން 148 (ސަތޭކަ ސާޅީސް އަށެއް) ދުވަހަށް 593,395/64ރ. (ފަސްލައްކަ ނުވަދިހަ ތިންހާސް ތިންސަތޭކަ ނުވަދިހަ ފަސްރުފިޔާ ފަސްދޮޅަސް ހަތަރު ލާރި) ޖެހޭއިރު، އެއްބަސްވުމުގެ 3 ވަނަ މާއްދާގެ ދަށުން މި ފައިސާގެ ޖީ.އެސް.ޓީއަށްވާ 35,603/73ރ. (ތިރީސްފަސްހާސް ހަސަތޭކަ ތިންރުފިޔާ ހަތްދިހަ ތިންލާރި) އާއެކު ޖުމްލައަކީ 628,999/37ރ. (ހަލައްކަ އަށާވީސްހާސް ނުވަސަތޭކަ ނުވަދިހަ ހަތްލާރި) ކަން އެނގެންއޮތުމުން، މި މުއްދަތަށް އެކު ޖުމްލަ 629,000/-ރ. (ހަލައްކަ ނަވާވީސްހާސް ރުފިޔާ) ނަގައިދިނުމަށް އެމް.ޕީ.އެލްއިން އެދިފައިވާނަމަވެސް، ޝަރީޢަތުން ނަގައިދެވޭނީ، 628,999/37ރ. (ހަލައްކަ އަށާވީސްހާސް ނުވަސަތޭކަ ނުވަދިހަ ހަތްލާރި) ކަން؛ އަދި

ބީ.އެމް.ސީ ސްލިޕްވޭ އެންޑް ސަލްވޭޖް ކޮމްޕެނީގެ ފަރާތުން ބުނާ ބުނުމުގައި އެ ފަރާތުން ބާޖު 26 (ސައްބީސް) ދުވަހު ދުއްވާފައިވަނީ މަރާމާތަށް ހޭދަވި ދިގު މުއްދަތަކަށްފަހު ކަމަށް ބަޔާންކޮށްފައި އޮތްނަމަވެސް، އެމް.ޕީ.އެލްއިން ދަޢުވާ ފޯމާއެކު ހުށަހަޅާފައިވާ ޓެކްސް އިންވޮއިސްތަކުގެ ތާރީޚްތަކަށް ބެލުމުން، 28 އޮގަސްޓް 2016 ގައި 05 (ފަހެއް) ދުވަހަށްވާ ފައިސާއާއި، 27 ސެޕްޓެންބަރު 2016 ގައި 9.5 (ނުވަ ދުވަހާއި ބައި) އަށްވާ ފައިސާއާއި، 29 ސެޕްޓެންބަރު 2016 ގައި 11.5 (އެގާރަ ދުވަހާއި ބައި) އަށްވާ ފައިސާ އަދާކޮށްފައިވާކަން އެނގެން އޮންނައިރު، ބާޖު އަނބުރާ ޙަވާލުކުރިކަން އެނގެން އޮންނަ ތާރީޚް ކަމުގައިވާ 18 ފެބުރުވަރީ 2017 ގެ ކުރިއަށް 26 (ސައްބީސް) ދުވަހު ބާޖު ޓެސްޓަށް ބޭނުން ކުރިނަމަ، އެ 26 (ސައްބީސް) ދުވަހު ކުރިއަށް ހިނގާފައިވާ މުއްދަތަކީ ބާޖު މަރާމާތުކުރުމަށް ހިނގާފައިވާ މުއްދަތު ކަމުގައިވާނަމަ، އަދި މި ކަންކަމުގެ މައްޗަށް ބީ.އެމް.ސީ ސްލިޕްވޭ އެންޑް ސަލްވޭޖް ކޮމްޕެނީގެ ފަރާތުން ބުނާ ބުނުން ތެދުކަމުގައިވާނަމަ، އެއްބަސްވުމުގައި ސޮއިކުރި ތާރީޚްވެސް ހިމެނޭގޮތުން، ތިން ތާރީޚެއްގައި ބީ.އެމް.ސީ ސްލިޕްވޭ އެންޑް ސަލްވޭޖް ކޮމްޕެނީން ކުލި އަދާކުރަންވީ ސަބަބާއި، މި ނުކުތާގައި އެ ފަރާތުން ދައްކާ ވަހާކަ ތަޢާރުޟުވާކަން އެނގެން އޮތުމުގެ އިތުރުން، އެމް.ޕީ.އެލްއިން ހުށަހެޅި ޝަފަހީ ހެކިންގެ ބަހުން ދެފަރާތުގެ ދެމެދުގައި ލިޔެކިޔުމުން ވެފައި އޮތް އެއްބަސްވުމެއްގެ މާއްދާތަކެއް ނަފީނުވާނެކަން އެނގެން އޮތުމުން، ބީ.އެމް.ސީ ސްލިޕްވޭ އެންޑް ސަލްވޭޖް ކޮމްޕެނީން ހުށަހެޅި ޝަފަހީ ހެކީން ޙާޟިރުކޮށް އެ ފަރާތްތަކުގެ ބަސް ޝަރީޢަތުން ނަގާފައިނުވާކަން.

ދިވެހިރާއްޖޭގެ ހައިކޯޓުގެ މަރުހަލާ

ސިވިލް ކޯޓުގެ ނަންބަރު 3439/Cv-C/2018 ޤަޟިއްޔާ ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތަށް ނޫން ކަމަށް ބުނެ ބީ.އެމް.ސީ. ސްލިޕްވޭ އެންޑް ސަލްވޭޖް ކޮމްޕެނީގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން، އެ ކޯޓުގެ ނަންބަރު 2019/HC-A/356 ޤަޟިއްޔާއިން އެ އިސްތިއުނާފީ މައްސަލަ ބަލައި ޙުކުމް ކޮށްފައިވަނީ، ސިވިލް ކޯޓުގެ ޙުކުމަށް ތާއިދުކޮށެވެ.

ދިވެހިރާއްޖޭގެ ހައިކޯޓުން އެފަދައިން ނިންމާފައިވަނީ އަންނަނިވި ކަންކަމުގެ މައްޗަށް ބިނާކޮށްކަން އެ ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށް ބެލުމުން އެނގެންއޮވެއެވެ.

ދެފަރާތުގެ މެދުގައި ވެފައިވާ އެއްބަސްވުމުން އެނގޭގޮތުގައި ބާޖު ތިލަފުށްޓަށް ގެންގޮސް މަރާމާތުކޮށްގެން ބޭނުންކުރުމަށް ކުއްޔަށް ދިނުމަށް އެއްބަސްވެފައިވާކަން އެނގޭކަމާއި، ބާޖު ކުއްޔަށް ހިފިއިރުވެސް ބާޖަކީ މަރާމާތު ކުރަންޖެހިފައިވާ ބާޖެއްކަން ކުއްޔަށް ހިފި ފަރާތަށް އެނގޭކަން؛

ޝަރީޢަތަށް ކަންކަން ސާބިތުކުރުމުގެ ވަސީލަތްތަކުގެ ތެރެއިން ކިތާބީ ހެއްކާއި ޝަފަހީ ހެއްކާއި މި ދެ ވަސީލަތްތަކުގެ ތެރެއިން، ޝަފަހީ ހެއްކަކީ ކިތާބީ ހެއްކަށްވުރެ، ސާބިތުވުމުގެ ބާރުގެ ހައިސިއްޔަތުން ބަލި ވަސީލަތެއްކަން ޤާނޫނީ ހަމަތަކުން އެނގެން އޮންނަކަމަށާއި، ބީ.އެމް.ސީ. ސްލިޕްވޭ އެންޑް ސަލްވޭޖް ކޮމްޕެނީގެ ފަރާތުން ހުށަހެޅި ޝަފަހީ ހެކިން ޙާޟިރުކުރުމަށް އެކަށީގެންވާ ފުރުޞަތު ދީފައިވާކަން ސިވިލް ކޯޓުގެ ރިކޯޑުތަކުން އެނގޭކަން؛ އަދި

ބާޖު މަރާމާތު ކުރުމުގެ ޚަރަދާމެދު އެއްބަސްވުމުގައި އެއްވެސް ވާހަކައެއް ބަޔާންކޮށްފައި ނުވާކަމާއި، އަދި މަރާމާތުގެ ޚަރަދު ހޯދުމަށް ދަޢުވާއެއް ކޮށްފައިވާކަން އެނގެން ނެތްކަން.

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފައިވާ ނުކުތާތައް

ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2019/HC-A/356 ޤަޟިއްޔާ ނިންމާފައިވަނީ ޤާނޫނާ އެއްގޮތަށް ނޫންކަމަށް ބުނެ އެ ޤަޟިއްޔާގެ ނިންމުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމަށްޓަކައި ބީ.އެމް.ސީ. ސްލިޕްވޭ އެންޑް ސަލްވޭޖް ކޮމްޕެނީގެ ފަރާތުން 02 (ދޭއް) ސަބަބެއް ހުށަހަޅާފައިވެއެވެ. އެއީ:

ދެ ފަރާތުގެ މެދުގައި އެއްބަސްވެފައިވަނީ "ބާޖު ތިލަފުއްޓަށް ގެންގޮސް މަރާމާތު ކޮށްގެން ބޭނުން ކުރުމަށް ކުއްޔަށް ދިނުމަށް" ކަން އެއްބަސްވުމުގެ ތަޢާރަފުން ސާފުކޮށް އެނގެން އޮތްއިރު، ހައިކޯޓުން ޙުކުމް ކޮށްފައިވަނީ، ޤާނޫނު ނަންބަރު 4/91 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 20 ވަނަ މާއްދާގެ (ހ) އާއި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ށ) އާ ޚިލާފަށް ކަމަށް ބުނެ ހުށަހެޅި ސަބަބެވެ.

ދަޢުވާގެ ގިނަކަންތައް ތަކެއް ސާބިތުކުރުމަށް ހުށަހެޅި ހެކިންގެ ހެކިބަސް ނަގާފައި ނުވުމަކީ ޤާނޫނޫ ނަންބަރު 24/76 (ހެއްކާއިބެހޭ ޤާނޫނު) ގެ 1 ވަނަ މާއްދާ އާއި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ށ) އާ ޚިލާފަށް ކަމަށް ބުނެ ހުށަހެޅި ސަބަބެވެ.

މި އިސްތިއުނާފީ ނުކުތާތަކާއި ގުޅިގެން ބީ.އެމް.ސީ. ސްލިޕްވޭ އެންޑް ސަލްވޭޖް ކޮމްޕެނީގެ ފަރާތުން ހުށަހަޅާފައިވާ ތަފްސީލާއި، އެ ނުކުތާތަކަށް އެމް.ޕީ.އެލްއިން ދީފައިވާ ރައްދު، ތިރީގައި ވަކިވަކިން ހިމަނާނަމެވެ.

ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 20 ވަނަ މާއްދާއާ ޚިލާފުވެފައިވޭތޯ؟

ބީ.އެމް.ސީ. ސްލިޕްވޭ އެންޑް ސަލްވޭޖް ކޮމްޕެނީން ބުނާގޮތުގައި އެ ކުންފުނީގެ ފަރާތުން ކުރުމަށް ހަމަޖެހިފައިވާ މަސައްކަތަކަށް އެވަރުގެ ބާޖެއް ހޯދަންޖެހިފައިވާތީ، އެ ބާޖު އޮތީ ބޭނުންކުރެވޭ ވަރަށްވުރެ ހަލާކުވެފައި ނަމަވެސް، އެ ކުންފުނީގެ މުވައްޒަފުންގެ ކިބައިގައި އެ ބާޖު މަރާމާތުކުރުމުގެ ގާބިލުކަން ހުރިޔަތީ، ބާޖު މަރާމާތުކޮށްގެން ނަމަވެސް ބޭނުންކުރުމަށް، އެ ބާޖު ތިލަފުއްޓަށް ގެންދެވުނެވެ. އަދި މަރާމާތުކޮށް ނިމުމުން ކުއްޔަށް ހިފަން ބޭނުންވާތީ، 28 އޮގަސްޓް 2016 ގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ކަމަށެވެ.

އެހެންކަމުން، ބީ.އެމް.ސީ. ސްލިޕްވޭ އެންޑް ސަލްވޭޖް ކޮމްޕެނީއާއި އެމް.ޕީ.އެލްއާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން އެއްބަސްވެފައިވަނީ "ބާޖު ތިލަފުއްޓަށް ގެންގޮސް މަރާމާތު ކޮށްގެން ބޭނުން ކުރުމަށް ކުއްޔަށް ދިނުމަށް" ކަމުގައި އޮވެފައި، ދަތުރުގެ ދިގުމިން ކަނޑައަޅާނީ އެމް.ޕީ.އެލް ސަރަހައްދުން ބާޖު ނިކުތީއްސުރެ، ބާޖު އެމް.ޕީ.އެލް ހާބަރަށް އެނބުރި ވަންނަ ވަގުތާ ހަމައަށް، ކޮންމެ ދުވަހަކަށް 4,009/43 ރ. (ހަތަރުހާސް ނުވަރުފިޔާ ސާޅީސް ތިންލާރި) ގެ ކުއްޔަށް ކަމުގައިވާތީ، ބާޖު ތިލަފުއްޓަށް ގެންގޮސް މަރާމާތުކުރުމަށް އެކު ޖުމްލަ 148 (އެއްސަތޭކަ ސާޅިސް އަށެއް) ދުވަސް ހިނގާފައިވާއިރު، އަދި 3 (ތިނެއް) ފަހަރެއްގެ މަތިން ބާޖު އެމް.ޕީ.އެލް ސަރަހައްދަށް ވައްދައި ޓެސްޓަށް ދުއްވާފައިވާ ހިނދު، އެއިން ކޮންމެ ފަހަރަކު އެ ސަރަހައްދަށް ވަދެ ނިކުމެ ވީއިރު އެކަން ފާހަގަކޮށް ވަކިން ބިލްކޮށްފައި ނުވާކަމަށެވެ. ބީ.އެމް.ސީ. ސްލިޕްވޭ އެންޑް ސަލްވޭޖް ކޮމްޕެނީގެ ފަރާތުން ބުނާގޮތުން، ބުނެވުނު 3 (ތިނެއް) ދަތުރުގައި ބާޖު ދުއްވި 26 (ސައްބީސް) ދުވަހަށްވާ ފައިސާ އެ ކުންފުނިން ދައްކާފައިވާނެއެވެ.

އަދި ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 20 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން، އެއްބަސްވުމުގެ ބައިވެރިން އަމަލުކުރަންޖެހެނީ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިންކަމުގައިވެފައި، އެނޫން ގޮތަކަށް އެއްބަސްވުމުގެ ބައިވެރިން ކުރެ ބައިވެރިއަކަށް އަމަލުކުރެވޭނީ އެއްބަސްވުމުގެ އަނެއް ބައިވެރިޔާ އެފަދަ ދުލެއް ނުވަތަ ލުޔެއް ދީފިނަމަކަން އެ މާއްދާއިން އެނގެން އޮތުމުން، ތިލަފުށީގައި ބާޖު މަރާމާތު ކުރުމަށް ހޭދަކުރި މުއްދަތު، ކުލި ހިސާބުކުރުމުގައި ހިމަނާފައިވަނީ ޤާނޫނާ ޚިލާފަށްކަމަށް ބީ.އެމް.ސީ. ސްލިޕްވޭ އެންޑް ސަލްވޭޖް ކޮމްޕެނީގެ ފަރާތުން ބުނެއެވެ.

މި އިސްތިއުނާފީ ނުކުތާގެ ރައްދުގައި އެމް.ޕީ.އެލްގެ ފަރާތުން ބުނެފައިވަނީ:

ދިވެހިރާއްޖޭގެ ހައިކޯޓުން މައްސަލަ ނިންމުމުގައި ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 20 ވަނަ މާއްދާއަށް ރިޢާޔަތްކޮށްފައިވާކަން، އެ ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގެ 32، 33 އަދި 34 ވަނަ ނުކުތާއަށް ބެލުމުން އެނގޭކަމަށާއި؛

ބާޖު މަރާމާތުކުރުމަށް ހޭދަކުރި ޖުމްލަ މުއްދަތުގެ ތެރޭގައި 3 (ތިނެއް) ފަހަރެއްގެ މަތިން ބާޖު އެމް.ޕީ.އެލް ސަރަހައްދަށް ވައްދާ ޓެސްޓުކުރި ވާހަކައަކީ އެއްވެސް އެހެން މަރުހަލާއެއްގައި ބީ.އެމް.ސީ. ސްލިޕްވޭ އެންޑް ސަލްވޭޖް ކޮމްޕެނީގެ ފަރާތުން ފާހަގަކޮށްފައިވާ ނުކުތާއެއް ކަމުގައި ނުވާތީ، މި ނުކުތާއަށް ސުޕްރީމް ކޯޓުގައި ފުރުސަތުދެވިގެން ނުވާނެކަމަށެވެ.

ބީ.އެމް.ސީ. ސްލިޕްވޭ އެންޑް ސަލްވޭޖް ކޮމްޕެނީގެ ފަރާތުން ހުށަހަޅާފައިވާ މި އިސްތިއުނާފީ ނުކުތާގެ އަސާސަކީ ކުލީގެ މުއްދަތުގެ ތެރޭގައި ބާޖު މަރާމާތުކުރަން ހިނގި މުއްދަތު ހިމެނިގެން ނުވުމެވެ. އެހެންނަމަވެސް، ދެފަރާތުގެ މެދުގައި ވެފައިވާ އެއްބަސްވުމަށް ބެލުމުން، އެއްބަސްވެފައިވަނީ "ބާޖު ތިލަފުއްޓަށް ގެންގޮސް މަރާމާތު ކޮށްގެން ބޭނުން ކުރުމަށް ކުއްޔަށް ދިނުމަށް" ކަމުގައި ބަޔާންކޮށްފައި އޮތުމުގެ އިތުރުން، މަރާމާތު ކުރުމުގެ މުއްދަތުގައި ކުލި ނުހިނގާނެ ކަމުގެ އިޝާރާތެއް، އަދި އޭގައި އެމް.ޕީ.އެލްގެ ފަރާތުން އެއްވެސް އިލްތިޒާމެއް އުފުލަންޖެހޭކަމަށް އެއްބަސްވުމުގައި ހިމަނާފައި ނުވެއެވެ.

އެއްބަސްވުމުން ސާފުކޮށް އެނގެން އޮތްކަމަކީ އެމް.ޕީ.އެލްގެ ސަރަހައްދުން ވިޔަފާރި ބަނދަރުން ބާޖު ނެރޭ ވަގުތުން ފެށިގެން ބާޖު އެމް.ޕީ.އެލް ސަރަހައްދަށް ނުވަތަ އެނބުރިދާން ނިންމާ ބަނދަރަކަށް ވަނުމާހަމައަށް ކޮންމެ ދުވަހަކަށް 4,009/43ރ. (ހަތަރުހާސް ނުވަރުފިޔާ ސާޅީސް ތިންލާރި) ގެ މަގުން ކުލި ހިނގާނެ ކަމާއި، އެއް ދުވަހަށް ވުރެ ކުރު ވަގުތުކޮޅަކަށް ބާޖު ބޭނުންކުރި ނަމަވެސް ދުވަހުގެ ކުލި ދައްކަންޖެހޭނެކަމެވެ. އަދި "އިކުއިޕްމަންޓް ރެންޓަލް ފޯމު" އިން އެނގެން އޮތް ގޮތުގައި އެމް.ޕީ.އެލްގެ ސަރަހައްދުން ބާޖު ނެރެފައިވަނީ 28 އޮގަސްޓް 2016 ގެ 14:30 ގައި ކަމާއި، ބާޖު އަނބުރާ އެ ސަރަހައްދަށް ގެންގޮސްފައިވަނީ 18 ފެބުރުވަރީ 2017 ގެ 11:20 ގައި ކަމެވެ.

ބަހުސްގެ ބޭނުމަށްޓަކައި މަރާމާތުގެ މުއްދަތަށް ކުލި ދައްކަން ނުޖެހޭނެކަމަށް ދެފެރާތުން އެއްބަސްވެފައި އޮތްކަމުގައި ބަލާނަމަ، ބާޖު އޮތް ހާލަތުގެ ސަބަބުން، އެންމެ ފުރަތަމަވެސް އެ ބާޖު މަރާމާތުކުރަން ތިލަފުއްޓަށް ގެންދިއުމަށް 28 އޮގަސްޓް 2016 ގައި އެމް.ޕީ.އެލް ސަރަހައްދުން ނެރެމުގައި، ބީ.އެމް.ސީ. ސްލިޕްވޭ އެންޑް ސަލްވޭޖް ކޮމްޕެނީގެ ފަރާތުން އެ ބާޖު ނެރުނު ތާރީޚާއި ގަޑިއާއި ކުލީގެ މިންވަރު ހިމެނޭ އެމް.ޕީ.އެލްގެ "އިކުއިޕްމަންޓް ރެންޓަލް ފޯމު" ގައި ސޮއިކޮށް، ކުންފުނީގެ ތައްގަނޑު ޖަހައި، 5 (ފަހެއް) ދުވަހުގެ ކުލި ދައްކާފައިވަނީ ކީއްވެގެންކަމާމެދު ސުވާލު އުފެދެއެވެ. އަދި ބާޖު ތިލަފުށީ ބަނދަރަށް ވެއްދުމުން، އެ ހިނދަށް ހިނގާކުލި ހުއްޓިފައި ވާންވާނެއެވެ. އެހެންކަމުގައިވާނަމަ، މާލެއިން ތިލަފުއްޓަށް ގެންދިއުމަށް 5 (ފަހެއް) ދުވަހުގެ ކުލި ދައްކާފައިވަނީ ކޮން ސަބަބަކާހުރެ ކަމެއް ސާފެއް ނުވެއެވެ. މީގެ އިތުރުން، ބީ.އެމް.ސީ. ސްލިޕްވޭ އެންޑް ސަލްވޭޖް ކޮމްޕެނީގެ ފަރާތުން ބަޔާންކުރާ ފަދައިން އެމް.ޕީ.އެލްގެ ސަރަހައްދަށް ބާޖު ވައްދާ 3 (ތިނެއް) ފަހަރެއްގެ މަތިން ޓެސްޓްކޮށްފައިވާނަމަ، އެއިން ކޮންމެ ފަހަރަކު ކުއްޔަށްދޫކުރި ކަމުގެ ލިޔުމެއްގައި އެ ކުންފުނިން ސޮއިކޮށްފައި އޮންނަންވާނެއެވެ. ނަމަވެސް، ބީ.އެމް.ސީ. ސްލިޕްވޭ އެންޑް ސަލްވޭޖް ކޮމްޕެނީން ބުނާފަދައިން ކަންހިނގާފައިވާކަން ދަލާލަތުކޮށްދޭ އެއްވެސް ހެއްކެއް ކޯޓަށް ހުށަހަޅާފައިނުވެއެވެ.

އެހެންކަމާއެކު، ހައިކޯޓުން މި މައްސަލައިގައި ގޮތް ކަނޑައެޅުމުގައި ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 20 ވަނަ މާއްދާގެ (ހ) އާ ޚިލާފުވެފައިވާ ކަމުގައި ނުދެކެމެވެ.

ހެކިބަސް ނަގާފައިނުވުން

ދަޢުވާގެ ގިނަކަންތައް ތަކެއް ސާބިތުކުރުމަށް ހުށަހެޅި ހެކިންގެ ހެކިބަސް ނަގާފައިނުވުމަކީ ޤާނޫނޫ ނަންބަރު 24/76 (ހެއްކާއިބެހޭ ޤާނޫނު) ގެ 1 ވަނަ މާއްދާ އާއި ޚިލާފުކަމެއްގެ ގޮތުގައި ފާހަގަކުރަމުން، އެ ކުންފުނީގެ ފަރާތުން ސިވިލް ކޯޓަށް ހުށަހަޅާފައިވާ ހެކިންގެ ހެކިބަސް ނަގާފައިނުވާކަމުގައި ބީ.އެމް.ސީ. ސްލިޕްވޭ އެންޑް ސަލްވޭޖް ކޮމްޕެނީގެ ފަރާތުން ބުނެއެވެ.

މި އިސްތިއުނާފީ ނުކުތާއާއި ގުޅިގެން އެމް.ޕީ.އެލްގެ ފަރާތުން ބުނެފައިވަނީ، ހެއްކާބެހޭ ޤާނޫނުގެ 1 ވަނަ މާއްދާގައިވަނީ "ކަމެއްގެ ޙަޤީޤަތާއި ގުޅޭގޮތުން ހެކިވެރިޔަކު ޝަރީޢަތުގެ މަޖުލީހަށް ދިނުން އެ މަޖުލީހުން ހުއްދަކުރާ ނުވަތަ ހެކިވެރިޔެއްގެ ކިބައިން ޝަރީޢަތުގެ މަޖުލީހަށް ބޭނުންކުރާ ކޮންމެ ބަޔާނަކީ ހެއްކެއްގެ ގޮތުގައި ބެލޭނެ އެއްޗެއް" މިފަދައިން ކަމުގައިވާއިރު، މި މައްސަލައިގައި އެފަދަ އެއްވެސް ބަޔާނެއް ހެއްކެއްގެ ފަރާތުން ޝަރީޢަތުގެ މަޖުލީހުގައި ދީފައިނުވާކަމާއި، އިސްތިއުނާފު ކުރާ ފަރާތަށް ހެކިން ޙާޟިރުކުރުމުގެ ފުރުޞަތު ދެވިފައިވާކަން ސިވިލް ކޯޓުގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުން އެނގެން އޮންނަ ކަމަށެވެ.

މަދަނީ ހުސޫމާތެއްގައި ކަމެއް ހިނގާފައިވަނީ ވަކިގޮތަކަށް ކަމުގައި ބުނަނީނަމަ، އެކަން ދަށު ކޯޓުގައި ފާހަގަކުރުމާއެކު، އެކަމެއް ޝަރީޢަތަށް ސާބިތުކޮށްދިނުމުގެ ގޮތުން ހެކި ހުށަހެޅުމަކީ އެކަމެއް ސާބިތުކޮށްދޭން އެދޭ ފަރާތެއްގެ ޒިންމާއެކެވެ. އެ ނޫންގޮތަކަށް ބުނާނަމަ، އެ ދަފްޢެއް ސާބިތުކުރުމުގެ ބުރަ އުފުލަންޖެހޭނީ އެ ދަފްޢެއް ހުށަހަޅާ ފަރާތުންނެވެ.

ހައިކޯޓުގެ ނަންބަރު 2019/HC-A/356 ޤަޟިއްޔާ ނިމުނުގޮތުގެ ރިޕޯޓުގެ 39 ވަނަ ޕެރެގްރާފުން 41 ވަނަ ޕެރެގްރާފުގެ ނިޔަލަށް ހުރި ކަންކަމަށް ބެލުމުން، ބީ.އެމް.ސީ. ސްލިޕްވޭ އެންޑް ސަލްވޭޖް ކޮމްޕެނީގެ ފަރާތުން ދަށު ކޯޓަށް ހުށަހަޅާފައިވާ ހެކިންނަކީ ކިތާބީ ހެކި ނަފީކުރުމަށް ހުށަހަޅާފައިވާ ހެކިން ނުވަތަ އެ ކުންފުނީގެ ފަރާތުން ދަށުކޯޓުގައި ކޮށްފައިނުވާ ދަޢުވާއެއް ސާބިތުކުރުމަށް ހުށަހަޅާފައިވާ ހެކިން ކަމުގައިވާތީ، އެ ހެކިންނަށް ފުރުސަތުދީފައި ނެތުމަކީ އެންމެ ރަނގަޅު ކަމެއްގެ ގޮތުގައި ހައިކޯޓުން ފާހަގަކޮށްފައިވެއެވެ. ހައިކޯޓުގެ މި ނިންމުމުގައި ޤާނޫނީގޮތުން ބަހުސްކުރެވޭ ސަބަބެއް އޮތްނަމަ، އެކަމެއް ބީ.އެމް.ސީ. ސްލިޕްވޭ އެންޑް ސަލްވޭޖް ކޮމްޕެނީގެ ފަރާތުން ސުޕްރީމް ކޯޓުގައި ފާހަގަކުރުމުގެ ބަދަލުގައި، ފާހަގަކޮށްފައިވަނީ ސިވިލް ކޯޓުގައި ކަންހިނގާދިޔަ ގޮތުގައި ހުރި ހަމަނުޖެހުމުގެ ވާހަކަކަން ފާހަގަވެއެވެ.

ދިވެހިރާއްޖޭގެ ޝަރުޢީ ނިޒާމު ރޭވިގެންވާ ގޮތުން، އިސްތިސްނާ ހާލަތެއްގައި މެނުވީ، ހައިކޯޓުގައި އިސްތިއުނާފު މަރުހަލާ ހިނގާނީ ދަށުކޯޓުގައި ހުށަހެޅި ހެއްކާއި ދިފާޢުތަކަކީ އަސާސް ކަމުގައި ބަލައިގެން، އިސްތިއުނާފުކުރުމަށް ހުށަހެޅި ކަންކަމަށް ބަލައި، ދަށުކޯޓުގެ ނިންމުމުގައި ޤާނޫނާ ޚިލާފަށް ނިންމާފައިވާ ކަމެއް އޮތްކަން ނުވަތަ ނޫންކަމުގެ މައްޗަށެވެ. ހަމަ މިފަދައިން، ހައިކޯޓުގެ ނިންމުންތައް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް އިސްތިއުނާފު ކުރުމުން، އިސްތިއުނާފުކުރި ނުކުތާތަކުގެ އަލީގައި ސުޕްރީމް ކޯޓުން ބަލާނީ ހައިކޯޓުގެ ނިންމުމުގައި ޤާނޫނާ ޚިލާފަށް ނިންމާފައިވާ ކަމެއް އޮތްކަން ނުވަތަ ނޫންކަމުގެ މައްޗަށެވެ.

ހެކި ހުށަހެޅުމާބެހޭ ގޮތުން ނުވަތަ ބަލައިގަތުމާބެހޭ ގޮތުން ހައިކޯޓުން އެކޯޓުގެ ނިންމުމުގައި ބަޔާންކޮށްފައިވާ ސަބަބުތަކުގައި ޤާނޫނީ ގޯހެއް އޮތްކަމުގައި ބީ.އެމް.ސީ. ސްލިޕްވޭ އެންޑް ސަލްވޭޖް ކޮމްޕެނީން ދެކޭނަމަ، އެކަމުގައި އެފަރާތުން އިއުތިރާޒުކުރާ ޤާނޫނީ ސަބަބަކީ ކޮބައިކަން އަދި އެއިން އުފެދޭ ގާނޫނީ ބަހުސަކީ ކޮބައިކަން އެ ނުކުތާ އިސްތިއުނާފުކުރުމުގެ ހުއްދައަށް އެދޭ އިރު ސާފުކޮށް ބުނަންވާނެއެވެ. އެފަދަ އެއްވެސް ކަމެއް ސުޕްރީމް ކޯޓުގައި ފާހަގަކޮށްފައި ނުވެއެވެ. އަދި ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ބީ.އެމް.ސީ. ސްލިޕްވޭ އެންޑް ސަލްވޭޖް ކޮމްޕެނީގެ ފަރާތުން ދައްކާފައިވާ ވާހަކަތަކަށް ބެލުމުން، އެ ފަރާތުން ސިވިލް ކޯޓަށް ހާޒިރުކުރަން ބޭނުންވި ހެކިން ކޯޓަށް ހާޒިރުކުރުމުގެ ފުރުސަތު އެއް ފަހަރަށްވުރެ ގިނަ ފަހަރު އެކޯޓުން ދީފައިވާކަން އެނގެއެވެ. އެހެންކަމުން، ހެއްކާބެހޭ ޤާނޫނަށް ހަވާލާދީ ބީ.އެމް.ސީ. ސްލިޕްވޭ އެންޑް ސަލްވޭޖް ކޮމްޕެނީން ހުށަހަޅާފައިވާ ނުކުތާއާ ގުޅޭގޮތުން ވަކި ނިންމުމެއް ނިންމަންޖެހޭ ކަމުގައި ނުދެކެމެވެ.

ހައިކޯޓުން ފާހަގަކޮށްފައިވާ ފަދައިން، ޝަފަހީ ހެކިން ކިތާބީ ހެކި ނަފީކުރުމުގެ ފުރުސަތު ކުޑައެވެ. އަދި މައްސަލައެއްގައި ހިމެނޭ ފަރާތަކުން ހުށަހަޅާފައިވާ ހެކިންނަނީ އެ ފަރާތުން ޝަރީޢަތަށް ހުށަހަޅާފައިވާ ކަންކަން ސާބިތުކުރުމަށް ހުށަހަޅާ ހެކިންނަށްވުން މުހިންމު ކަމުގައިވާހިނދު، ހެކި ބަލައިނުގަތުމަށް ނިންމުމުގައި ވަރަށް ފަރުވާތެރިވާންޖެހޭނެ ކަމުގައި ދެކެމެވެ. އެހެނީ، ހެއްކާބެހޭ ޤާނޫނުގެ 3 ވަނަ މާއްދާގައި "އެއްވެސް ޤަޟިއްޔާއެއް ނުވަތަ މައްސަލައެއްގައި ހެކިދެވޭނީ ނުވަތަ ދެއްކޭނީ އެކަމަކާ ގުޅުމެއްހުރި ހަގީގަތްތަކާ ބެހޭގޮތުން" ކަމުގައި ބަޔާންކުރުމަށްފަހު، "އެ ހަގީގަތްތަކަކީ އަސްލުގައި ބަލަމުންދާ ކަންތައްތަކެއް ނޫންނަމަވެސް، އެކަންތައްތައް ބަލަމުންދާ ކަމަކާ ގުޅިފައިވާލެއް ބޮޑުކަމުން އެއީ އެ މުޢާމަލާތުގެ ތެރެއިންވާ ބައެއް ކަމުގައި ބެލޭފަދަ ކަންތައްތަކަށް ވާނަމަ އެއީވެސް މައްސަލައާ ގުޅުމެއްހުރި ކަންތައް" ކަމުގައި އަދި "ބަލަމުންދާ މައްސަލައިގެ ނުވަތަ އެއާ ގުޅުމެއްހުރި ކަމެއްގެ ސަބަބުން ކަމުގައިވާ ނުވަތަ ނަތީޖާ ކަމުގައިވާ ކޮންމެ ހަގީގަތަކީވެސް އަސްލު މައްސަލައާ ގުޅުމެއްހުރި ކަމެއް" ކަމުގައި ބަޔާންކޮށްފައިވާތީއެވެ.

ޤާނޫނުއަސާސީގެ 42 ވަނަ މާއްދާއާ ޚިލާފަށް ކަމެއް ހިނގާފައިވާކަން ނުވަތަ ނޫންކަން

ހައިކޯޓުގެ ނިންމުން އިސްތިއުނާފު ކުރުމުގެ ގޮތުން ބީ.އެމް.ސީ. ސްލިޕްވޭ އެންޑް ސަލްވޭޖް ކޮމްޕެނީގެ ފަރާތުން ހުށަހަޅާފައިވާ އިސްތިއުނާފީ ދެ ނުކުތާގައިވެސް، ހައިކޯޓުގެ ނިންމުން ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ށ) އާ ޚިލާފުވާކަމުގައި ބުނެފައިވެއެވެ.

މި ނުކުތާގެ ރައްދުގައި އެމް.ޕީ.އެލްގެ ފަރާތުން ބުނެފައިވަނީ، ދިވެހިރާއްޖޭގެ ހައިކޯޓުން މައްސަލަ ނިންމުމުގައި ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ށ) އާ ޚިލާފުވެފައިވާކަމަށް ބުނުން ފިޔަވައި، އެ ބުނުން ބިނާވާ ސަބަބެއް ބީ.އެމް.ސީ. ސްލިޕްވޭ އެންޑް ސަލްވޭޖް ކޮމްޕެނީގެ ފަރާތުން ބަޔާންކޮށްދީފައިނުވާ ކަމުގައެވެ.

ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ށ) އާ ހިލާފުވުން ކަމުގައި ބުނެ ބީ.އެމް.ސީ. ސްލިޕްވޭ އެންޑް ސަލްވޭޖް ކޮމްޕެނީގެ ފަރާތުން ހަވާލާދީފައިވަނީ (1) ފަނޑިޔާރުން މައްސަލަ ބެއްލެވުމުގައި ކުރެއްވި ރިއާޔަތުގައި އަދުލުވެރިކަން ގެއްލިފައިވުމާއި؛ (2) އިސްތިއުނާފު މަރުހަލާގައި ހައިކޯޓުން ސިވިލް ކޯޓުގެ ހުކުމަށް ތާއިދުކޮށްފައިވުމެވެ. މި ދެ ކަން ފާހަގަކޮށްފައިވަނީ ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 20 ވަނަ މާއްދާގެ (ހ) އާ ޚިލާފަށް ކަމަށްބުނެ އެ ކުންފުނިން އެދިފައިވާ ގޮތަށް ކަންކަން ނިމިފައި ނުވުމުގެ ސަބަބުންނެވެ. އެނޫން އެއްވެސް ކަމެއް މި ނުކުތާއާ ގުޅިގެން ހިމަނާފައިވާކަން ފާހަގަނުވިއެވެ.

ހަމަ އެއާއެކު، ހެއްކާބެހޭ ޤާނޫނުގެ 1 ވަނަ މާއްދާއަށް ހަވާލާދީ ހުށަހަޅާފައިވާ އިސްތިއުނާފީ ނުކުތާއާ ގުޅިގެންވެސް ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ށ) އާ ހިލާފުވެފައިވާ ކަމުގައި ބީ.އެމް.ސީ. ސްލިޕްވޭ އެންޑް ސަލްވޭޖް ކޮމްޕެނީގެ ފަރާތުން ބުނެފައިވެއެވެ. އެހެންނަމަވެސް، މި ނުކުތާ ފާހަގަކޮށްފައިވަނީ ހެކިން ޝަރީޢަތަށް ހާޒިރުކުރުމުގެ ފުރުސަތު ނުލިބޭކަމުގައި ބުނެ ކަމަށްވާއިރު، އެ ކުންފުނީގެ ފަރާތުން ސުޕްރީމް ކޯޓުގެ ޝަރީޢަތުގައި ދައްކާފައިވާ ވާހަކަތަކުން، ކަން ހިނގާފައިވަނީ އެހެން ނޫންކަން އެނގެއެވެ. މި ނުކުތާގައި، ސިވިލް ކޯޓުން ހެކިން ހާޒިރުކުރުމަށް ފުރުސަތު ނުދީވާނަމަ، އުފެއްދިދާނެ ސުވާލުތަކެއް ހުރި ނަމަވެސް، ބީ.އެމް.ސީ. ސްލިޕްވޭ އެންޑް ސަލްވޭޖް ކޮމްޕެނީގެ ބަހުން، އެ ފުރުސަތު ދީފައިވާކަން އެނގެއެވެ.

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ ވ. މޯލްޑިވްސް ކޮލިޓީ ސީފުޑް ޕްރައިވެޓް ލިމިޓެޑް [2021] SC 60 ގައި އަހުރެން ފާހަގަކޮށްފައިވާ ފަދައިން ވަކި މީހަކު ނުވަތަ ވަކި ފަރާތެއް ޤާނޫނާއި ޚިލާފަށް، އަދި ޚާއްޞަކޮށް ޤާނޫނުއަސާސީއާއި ޢަދުލު އިންސާފުގެ އަސާސީ މަފްހޫމަކާއި ޚިލާފުވާކަމަށް ބުނުމަކީ ކުޑަ ނުވަތަ އާދައިގެ ކަމެއް ނޫނެވެ. އެފަދައިން ކަންހިނގާފައިވާ ކަމަށް ބުނާނަމަ، އެފަދަ ޚިލާފުވުމަކާއި ގުޅޭ މަޢުލޫމާތު ފޯރުކޮށްދީ، އުފެދޭ ޤާނޫނީ ބަހުސަކީ ކޮބައިކަން ބަޔާންކޮށް، ކަންހިނގާފައިވާ ގޮތުން ޙައްޤަކަށް ނުވަތަ މިނިވަންކަމަކަށް އަސަރުކުރަނީ ނުވަތަ ޤާނޫނީ އުސޫލެއް ނެގެހެއްޓިފައިނުވަނީ ކިހިނެއްކަން ބުނެދެވެންވާނެއެވެ.

އިސްވެ ބަޔާންކުރެވުނު ސަބަބުތައް އެހެން ހުރުމުން، އިސްތިއުނާފުކުރެވުނު މައްސަލަ ހައިކޯޓުން ނިންމުމުގައި ޤާނޫނުއަސާސީގެ 42 ވަނަ މާއްދާއާ ޚިލާފުވެފައިވަނީ ކިހިނެއްކަން ބީ.އެމް.ސީ. ސްލިޕްވޭ އެންޑް ސަލްވޭޖް ކޮމްޕެނީގެ ފަރާތުން ބުނެދެވިފައި ނުވާތީ، މި ނުކުތާއާ ގުޅިގެން ނިންމުމެއް ނިންމަންޖެހޭ ކަމުގައި ނުދެކެމެވެ.

ނިންމަން ފެންނަގޮތް

ބީ.އެމް.ސީ. ސްލިޕްވޭ އެންޑް ސަލްވޭޖް ކޮމްޕެނީގެ ފަރާތުން ހައިކޯޓުގެ ނަންބަރު2019/HC-A/356 ޤަޟިއްޔާ އިސްތިއުނާފު ކުރަމުން ހުށަހަޅާފައިވާ ނުކުތާތަކަށް ބަލާއިރު، އިސްވެ ފާހަގަކުރެވުނު ކަންކަމުގެ އަލީގައި:

އެމް.ޕީ.އެލްގެ ފަރާތުން ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 20 ވަނަ މާއްދާގެ (ހ) އާ ޚިލާފަށް އަމަލުކޮށްފައިވާކަން އެނގެން ނެތަތީއާއި؛

ސިވިލް ކޯޓުގައި ހެކިބަސް ނަގާފައި ނުވާކަމަށް ބުނެ ހުށަހެޅި ނުކުތާއާމެދު ހައިކޯޓުން ކަނޑައަޅާފައިވާ ކަންކަމުގައި ޤާނޫނާ ޚިލާފުކަމެއް އޮތްކަމަށް ނުފެންނާތީއާއި؛

ޤާނޫނުއަސާސީގެ 42 ވަނަ މާއްދާއާ ޚިލާފަށް ހިނގާފައިވާ ކަމަކީ ކޮބައިކަން ބީ.އެމް.ސީ. ސްލިޕްވޭ އެންޑް ސަލްވޭޖް ކޮމްޕެނީގެ ފަރާތުން ބަޔާންކޮށްދީފައި ނުވާތީ؛

އެ ކަންކަމުގެ މައްޗަށް ބިނާކޮށް، ހައިކޯޓުގެ ޙުކުމަށް ބަދަލުގެންނަން ޖެހޭފަދަ ޤާނޫނީ ސަބަބެއް އޮތްކަމުގައި އަހުރެން ނުދެކެމެވެ.

ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންގެ ރައުޔު

މި މައްސަލައިގައި ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްގެ ރައުޔު

މި މައްސަލައިގައި ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

ޙުކުމް

ދެންފަހެ، އިސްވެ ބަޔާންވެދިޔަ ކަންކަން އެ ގޮތުގެމަތިން ހުރުމުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2019/HC-A/356 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމަށް ބަދަލު ގެންނަންޖެހޭނެ ތަނެއް ނެތްކަމުގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅަމެވެ.

މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ:

ޢަލީ ރަޝީދު ޙުސައިންޢާއިޝާ ޝުޖޫން މުޙައްމަދުމުޙައްމަދު އިބްރާހީމް(ރިޔާސަތު)

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ޝެއަރ ކުރައްވާ