ޕޮއިންޓް ތްރީ ޕްރައިވެޓް ލިމިޓެޑް ވ. ފެނަކަ ކޯޕަރޭޝަން ލިމިޓެޑް
ޚުލާޞާ
ޚުލާޞާ ނެތް.
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- —
- ފަހުގެ ތާރީޚު
- —
ނިންމުން
—
ކޯ ޓާމްސް
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
މި ލިޔުމުން އުޞޫލެއް ނުނެގުނު.
ފަނޑިޔާރުން
- ބެންޗު
- —
- ޚިލާފު ރައުޔު
- ނެތް
ޝަރީޢަތުގެ ވީޑިއޯ
ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.
ޕޮއިންޓް ތްރީ ޕްރައިވެޓް ލިމިޓެޑް ވ. ފެނަކަ ކޯޕަރޭޝަން ލިމިޓެޑް
ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ ރައުޔު (ފަނޑިޔާރު ޙުސްނުއްސުޢޫދު އަދި ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިން ތާއީދު ކުރައްވާފައި)
ތަޢާރުފު
މި މައްސަލައަކީ ހދ. ފިނޭގައި ޕްރީ ފެބްރިކޭޓެޑް ޕަވަރހައުސްއެއް ޢިމާރާތްކުރުމުގެ މަސައްކަތްކުރުމަށް ފެނަކަ ކޯފަރޭޝަން ލިމިޓެޑް (މީގެ ފަހުން "ފެނަކަ") އާއި ޕޮއިންޓް ތްރީ ޕްރައިވެޓް ލިމިޓެޑްއާ ދެމެދު ވެވުނު އެއްބަސްވުމާމެދު ދެފަރާތު ދެމެދު އުފެދުނު ޚުޞޫމާތަކާ ގުޅޭ މައްސަލައެކެވެ.
މި ދެފަރާތު ދެމެދު ވެވުނު އެއްބަސްވުން ފެނަކައިން ބާޠިލުކުރުމާ ގުޅިގެން، އެއްބަސްވުމުގެ ދަށުން ހުށަހެޅިފައިވާ ބިލުތަކުގެ ފައިސާއާއި، ފައިސާ ނުދެއްކުމުގެ ސަބަބުން އަރާފައިވާ ޖުރިމަނާ ފައިސާއާއި، އެއްބަސްވުން ބާޠިލުކުރުމުގެ ސަބަބުން ލިބިފައިވާ ގެއްލުމުގެ ބަދަލު ހޯދުމަށް ޕޮއިންޓް ތްރީ ޕްރައިވެޓް ލިމިޓެޑުން ސިވިލް ކޯޓުގެ ނަންބަރު 700/Cv-C/2019 ގަޒިއްޔާއިން ދަޢުވާކުރިއެވެ. އެ ގަޒިއްޔާގައި ޙުކުމްކުރީ އެއްބަސްވުން ބާޠިލުކުރުމުގެ ސަބަބުން ލިބިފައިވާ ގެއްލުމުގެ ބަދަލާއި އިންވޮއިސްގައި އެދިފައިވާ ފައިސާއާއި ޖުރިމަނާ ނަގައިދެވޭނެ ތަނެއް ނެތްކަމަށެވެ. ސިވިލް ކޯޓުގެ ނަންބަރު 700/Cv-C/2019 ގަޒިއްޔާ، ޕޮއިންޓް ތްރީ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފުކުރިއެވެ. އެ މައްސަލަ ބެލީ ހައިކޯޓުގެ ނަންބަރު 2020/HC-A/152 ގަޒިއްޔާގައެވެ. އެ ގަޒިއްޔާގައި ޙުކުމްކުރީ ސިވިލް ކޯޓުގެ ނަންބަރު 700/Cv-C/2019 ގަޒިއްޔާ އިސްތިއުނާފުކުރުމަށް ޕޮއިންޓް ތްރީ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ހުށަހެޅި އިސްތިއުނާފީ ފޯމުގައި ފުރިހަމަކުރަންޖެހޭ މަޢުލޫމާތު ފުރިހަމަނުވާތީ، އެ ފޯމުގެ މައްޗަށް އެ ގަޒިއްޔާ ކުރިއަށް ގެންދެވޭނެތަނެއް ނެތްކަމަށް ކަނޑައަޅައެވެ.
މިއީ ބުނެވުނު ހައިކޯޓުގެ ނަންބަރު 2020/HC-A/152 ގަޒިއްޔާ ނިންމާފައިވަނީ ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށް ބުނެ ޕޮއިންޓް ތްރީ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އެ ގަޒިއްޔާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރުމުން، މި ކޯޓުން ބެލި މައްސަލައެވެ.
ސިވިލް ކޯޓުން މައްސަލަ ނިންމިގޮތް
ހދ. ފިނޭގައި ޢިމާރާތްކުރާ ޕްރީ ފެބްރިކޭޓްޑް ޕަވަރހައުސް ޢިމާރާތުގެ އެންމެހައި މަސައްކަތްތައް ކުރުމާގުޅޭގޮތުން ފެނަކައާއި ޕޮއިންޓް ތްރީ ޕްރައިވެޓް ލިމިޓެޑާ ދެމެދު ވެވުނު އެއްބަސްވުން ބާޠިލު ކޮށްފައިވާތީ ލިބިފައިވާ ގެއްލުމާއި، އެއްބަސްވުމުގެ ދަށުން ކޮށްފައިވާ މަސައްކަތްތަކަށް ލިބެންޖެހޭ ފައިސާއާއި، ޖުރިމަނާ ފައިސާ ހޯދުމަށް ޕޮއިންޓް ތްރީ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ސިވިލް ކޯޓުގެ ނަންބަރު 700/Cv-C/2019 ގަޒިއްޔާގައި ދަޢުވާކުރުމުން އެ ގަޒިއްޔާގައި ޙުކުމްކުރީ ޕޮއިންޓް ތްރީ ޕްރައިވެޓް ލިމިޓެޑުން އެދިފައިވާ ގެއްލުމުގެ ބަދަލާއި ފައިސާ ނަގައިދެވޭނެތަނެއް ނެތްކަމަށެވެ. މިގޮތަށް ސިވިލް ކޯޓުން ޙުކުމް ކުރީ އަންނަނިވި ސަބަބުތަކުގެ މައްޗަށް ބުރަވެއެވެ.
4.1 ދެފަރާތު ދެމެދު ވެފައިވާ އެއްބަސްވުމުގައި ބަޔާންވެގެންވާ މުއްދަތަށް އެއްބަސްވުމުގައި ބަޔާންވެގެންވާ ސްޕެސިފިކޭޝަންތަކާ އެއްގޮތަށް ޑީޓެއިލް ކުރެހުންތައް ހުށަހަޅާފައިވާކަން ނުވަތަ ދަޢުވާލިބޭ ފަރާތުން ފަހުން ދިން ލުއީގެ ބޭނުންކޮށް އެ މުއްދަތަށްވެސް ކުރެހުންތައް ހުށަހަޅާފައިވާކަން ސާބިތުވާފަދަ ހެއްކެއް ޝަރީޢަތަށް ހުށަހަޅާފައިނުވާކަން؛
4.2 އެއްބަސްވުމުގެ 6 ވަނަ މާއްދާގައި ބަޔާންވެގެންވާގޮތަށް ސައިޓުގެ މަސައްކަތް ފެށިފައިވާކަން ނުވަތަ ދަޢުވާލިބޭ ފަރާތުން އިތުރަށް ދީފައިވާ މުއްދަތުގައިވެސް މަސައްކަތް ފަށާފައިވާކަން ސާބިތުވާފަދަ ހެއްކެއް ހުށަހެޅިފައި ނެތުމުން، ޕޮއިންޓް ތްރީ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އެއްބަސްވުމުގެ 6 ވަނަ މާއްދާއާ ޚިލާފުވެފައިނުވާކަމަށް ބަލާނެ ޤާނޫނީ ހަމައެއްނުވާކަން؛
4.3 ދެފަރާތު ދެމެދު ވެވުނު އެއްބަސްވުމުގެ ދަށުން ކުރަންޖެހޭ މަސައްކަތަށާއި އެ މަސައްކަތުގެ މުއްދަތަށް ފެނަކައިން ދީފައިވާ ލުއިތައް ހިމަނައިގެން މަސައްކަތް ނިންމަންޖެހޭ އެންމެ ފަހު ތާރީޚަކީ 01 ނޮވެންބަރު 2018 ކަން ހުށަހެޅިފައިވާ ލިޔުންތަކުން އެނގެން އޮންނައިރު، އެއްބަސްވުމާ ޚިލާފުވުމުގެ ސަބަބުން އެއްބަސްވުން ބާޠިލުކޮށްފައިވަނީ 25 ނޮވެންބަރު 2018 ގައިކަން އެނގެން އޮތުމުން، އެއްބަސްވުން ބާޠިލުކޮށްފައިވަނީ އެއްބަސްވުމުގެ މުއްދަތު ހަމަވީފަހުންކަން އެނގެން އޮންނާތީ، އެއްބަސްވުން ބާޠިލުކުރުމުގެ ސަބަބުން ޕޮއިންޓް ތްރީ ޕްރައިވެޓް ލިމިޓެޑަށް ލިބުނު ގެއްލުމުގެ ބަދަލެއްގެ ގޮތުގައި ފެނަކައިން ބަދަލެއް ދޭންޖެހޭނެ ޤާނޫނީ ހަމައެއް ނެތްކަން؛
4.4 މި އެއްބަސްވުމުގެ ދަށުން ކުރެވުނު މަސައްކަތާއި ގުޅިގެން ހުށަހެޅި ދަޢުވާގައި ހިމެނޭ ނަންބަރު P3-1/2018/038 އިންވޮއިސްއަށް ފެނަކައިން ފައިސާ ދޫކޮށްފައިނުވަނީ އެއްބަސްވުމުގެ 19 ވަނަ މާއްދާގެ (ށ) އާ ޚިލާފަށް ހުށަހަޅާފައިވާ އިންވޮއިސްއެއްކަމަށްވާތީކަމަށާއި، އަދި ދަޢުވާ ފޯމާއެކު އެޓޭޗްކޮށްފައިވާ ނަންބަރު P3-1/2018/054 އިންވޮއިސްއަކީ ފެނަކައަށް ލިބިފައިވާ އިންވޮއިސްއެއް ނޫންކަމަށް ބުނެފައިވާއިރު، މި ދެފަރާތު ދެމެދު އަގުކުރުމުގެ ކުރިން ފޮނުވަންޖެހޭ ޕްރޮގްރެސް ރިޕޯޓް ފޮނުވާފައިވަނީ ދެފަރާތު ދެމެދު ސޮއިކުރެވިފައިވާ އެއްބަސްވުމުގެ ދަށުން ފޮނުވަންޖެހޭ ރަސްމީ އީމެއިލްއަށް ނޫންކަން؛
4.5 ފެނަކައަށް ފޮނުވާފައިވާކަމަށް ބުނާ "ޕްރޮގްރެސް ރިޕޯޓް"ތަކާއި ނަންބަރު P3-1/2018/054 އިންވޮއިސް ފެނަކައަށް ރައްދުވެފައިވާކަމަށް ޝަރީޢަތަށް ސާބިތުވާފަދަ ކާފީ ހެއްކެއް ޕޮއިންޓް ތްރީ ޕްރައިވެޓް ލިމިޓެޑަށް ދެއްކިފައިނުވާކަން؛
4.6 މި ދަޢުވާގައި ހުށަހަޅާފައިވާ ފެނަކައިގެ ނަންބަރު P3-1/2018/038 އިންވޮއިސްއާއި ނަންބަރު P3-1/2018/054އިންވޮއިސްގައި ހިމެނޭ ފައިސާ ދޫކުރުމަށް ފެނަކައަށް ލާޒިމުކުރެވޭނީ އެއްބަސްވުމުގެ 19 ވަނަ މާއްދާގެ (ށ) ގައިވާ އުޞޫލާ އެއްގޮތްވާގޮތުގެ މަތިންކަމާއި، މި ދެ އިންވޮއިސްއަކީ އެއްބަސްވުމުގެ ދަށުން ފުރިހަމަވާންޖެހޭ އިޖުރާއަތުތަކެއް ފުރިހަމަނުވެ އޮތް އިންވޮއިސްތަކަކަށްވާތީ، ފެނަކައިގެ ނުރުހުމުގައި ފައިސާ ނަގައިދެވޭނެ ޤާނޫނީ އަދި ޝަރުޢީ ހަމައެއްނުވާކަން؛
މި ސަބަބުތަކުގެ މައްޗަށް ބުރަވެ ސިވިލް ކޯޓުން ޙުކުމްކުރީ ޕޮއިންޓް ތްރީ ޕްރައިވެޓް ލިމިޓެޑުން ދަޢުވާގައި އެދިފައިވާ ފަދައިން އެއްބަސްވުން ބާޠިލުކުރުމުގެ ސަބަބުން ލިބިފައިވާ ގެއްލުމުގެ ބަދަލެއްގެ ގޮތުގައި ހޯދުމަށް އެދިފައިވާ ފައިސާއާއި އިންވޮއިސްތަކުގައިވާ ފައިސާއާއި ޖުރިމަނާ ފައިސާއަކީ ނަގައިދެވޭނެ ފައިސާއެއްނޫންކަމަށް ކަނޑައަޅައެވެ.
ހައިކޯޓުން މައްސަލަ ނިންމިގޮތް
ސިވިލް ކޯޓުގެ ނަންބަރު 700/Cv-C/2019 ގަޒިއްޔާ އިސްތިއުނާފުކުރުމަށް ޕޮއިންޓް ތްރީ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ހައިކޯޓަށް ހުށަހެޅިއެވެ. އަދި ހައިކޯޓުގެ ނަންބަރު 2020/HC-A/152 ގަޒިއްޔާގައި ޙުކުމްކުރީ ޕޮއިންޓް ތްރީ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ހުށަހެޅި އިސްތިއުނާފު ފޯމުގައި ފުރިހަމަކުރަންޖެހޭ މަޢުލޫމާތު ފުރިހަމަނުވާތީ އެ ފޯމުގެ މައްޗަށް އެ ގަޒިއްޔާ ކުރިއަށް ގެންދާނެ ތަނެއް ނެތްކަމަށެވެ. މިގޮތަށް ހައިކޯޓުން ނިންމީ އަންނަނިވި ސަބަބުތަކުގެ މައްޗަށް ބުރަވެއެވެ.
6.1 އިސްތިއުނާފުކުރުމަށް ހުށަހެޅި ފޯމުގައި ހުރި މައުލޫމާތާއި ހައިކޯޓުގައި އިސްތިއުނާފުކުރެވުނު ސިވިލް ކޯޓުގެ ނަންބަރު 700/Cv-C/2019 ގަޒިއްޔާގައި ހުރި މައުލޫމާތު ދިމާނުވާކަމަށާއި، އެގޮތުން، ސިވިލް ކޯޓުގެ ނަންބަރު 700/Cv-C/2019 ގަޒިއްޔާއަކީ ހދ. ފިނޭގައި ޕްރީ ފެބްރިކޭޓެޑް ޕަވަރހައުސް ޢިމާރާތްކުރުމާ ގުޅޭގޮތުން ޕޮއިންޓް ތްރީ ޕްރައިވެޓް ލިމިޓެޑާއި ފެނަކައާ ދެމެދު ސޮއިކުރެވިފައިވާ ނަންބަރު FNK-K(T)FNK/AGR/2017/070 އެއްބަސްވުމުގެ މައްޗަށް ހުށަހެޅުނު މައްސަލައެއްކަމަށްވާއިރު، އިސްތިއުނާފު ފޯމުގައި ބަޔާންކޮށްފައިވަނީ ފެނަކައިގެ ނަންބަރު FNK-K(T)/FNK/AGR/2017/071 އެއްބަސްވުންކަން؛
6.2 ސިވިލް ކޯޓުގެ ނަންބަރު 700/Cv-C/2019 ގަޒިއްޔާގައި ޕޮއިންޓް ތްރީ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ފައިސާ ހޯދުމަށް އެދި ހުށަހަޅާފައިވަނީ އެ ކުންފުނީގެ ނަންބަރު P3-1/2018/038 އިންވޮއިސްއާއި ނަންބަރު P3-1/2018/054 އިންވޮއިސްކަމުގައިވާއިރު، އިސްތިއުނާފު ފޯމުގައި ފައިސާ ހޯދުމަށް އެދިފައިވަނީ ޕޮއިންޓް ތްރީ ޕްރައިވެޓް ލިމިޓެޑްގެ ނަންބަރު P3-1/2018/53 އިންވޮއިސްއާއި ނަންބަރު P3-1/2018/37 އިންވޮއިސްއަށްކަން؛
6.3 ހައިކޯޓަށް އިސްތިއުނާފުކުރުމަށް ހުށަހެޅި ފޯމުގައި ޕޮއިންޓް ތްރީ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އެދިފައިވަނީ ފެނަކައިގެ ނަންބަރު FNK-K(T)/FNK/AGR/2017/071 އެއްބަސްވުން ބާޠިލުކުރުމުގެ ސަބަބުން އެ ކުންފުންޏަށް ލިބިފައިވާ ގެއްލުމުގެ ބަދަލެއްގެ ގޮތުގައި 2,588,741/70 (ދެމިލިއަން ފަސް ލައްކަ އަށްޑިހަ އަށްހާސް ހަތްސަތޭކަ ސާޅީސް އެކެއް ރުފިޔާ ހަތްދިހަ ލާރި) ދެއްކުމަށް ފެނަކައިގެ މައްޗަށް އަމުރުކޮށްދިނުމަށް ކަމަށާއި، ނަމަވެސް، ސިވިލް ކޯޓުގެ ނަންބަރު 700/Cv-C/2019 ގަޒިއްޔާގައި ގެއްލުމުގެ ބަދަލުގެ ގޮތުގައި ނަގައިދިނުމަށް އެދިފައިވަނީ 2,080,873/20ރ. (ދެ މިލިއަން އަށްޑިހަ ހާސް އަށްސަތޭކަ ހަތްދިހަ ތިން ރުފިޔާ ވިހި ލާރި) ކަން؛
6.4 ޕޮއިންޓް ތްރީ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސިވިލް ކޯޓުގެ ނަންބަރު 700/Cv-C/2019 ގަޒިއްޔާގެ ދަށުން ހުށަހެޅި މައްސަލަ ބިނާކޮށްފައިވާ މުޢާމަލާތާގުޅޭ އެއްބަސްވުމާއި، އެ އެއްބަސްވުމުގެ ދަށުން ފައިސާ ހޯދުމަށް އެދުނު އިންވޮއިސްތަކާއި ގެއްލުމުގެ ބަދަލުގެ ގޮތުގައި ހޯދުމަށް ދަށު ކޯޓުގައާއި އިސްތިއުނާފު މަރުޙަލާގައި ހައިކޯޓުގައި އެދިފައިވާ ފައިސާގެ ޢަދަދުގައި ބޮޑެތި ފުށުއެރުންތަކެއް ހުރިކަން ފާހަގަކުރެވޭކަން؛
6.5 ޕޮއިންޓް ތްރީ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފުކުރުމަށް ހުށަހެޅި ފޯމަށް ބަލާއިރު، އެ ފޯމުގައި ފާހަގަކޮށްފައިވަނީ ހދ.ފިނޭ ޕްރީ ފެބްރިކޭޓެޑް ޕަވަރހައުސް ޢިމާރާތްކުރުމުގެ މުޢާމަލާތާގުޅޭ ކަންތައްތަކެއް ނޫންކަމާއި، އެއާ ޚިލާފަށް އެއީ ނ. މާޅެންދޫގައި ޕްރީ ފެބްރިކޭޓެޑް ޕަވަރހައުސް ޢިމާރާތްކުރުމުގެ މަސައްކަތްކުރުމަށް ފެނަކަ އާއި ޕޮއިންޓް ތްރީ ޕްރައިވެޓް ލިމިޓެޑާ ދެމެދު ވެވުނު އެއްބަސްވުމާގުޅޭ ލިޔުންތައްކަން؛
6.6 ޕޮއިންޓް ތްރީ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ހައިކޯޓަށް ހުށަހެޅި ފޯމުގައި މައްސަލައިގެ ޙަޤީޤަތްތައް ބުނުމުގައި ބޮޑެތި ފުށުއެރުންތަކެއް ހުންނަގޮތަށް އިސްތިއުނާފު ފޯމު ހުށަހަޅާފައިވާތީއާއި، އިސްތިއުނާފު ރައްދުވާ ފަރާތަށް އިސްތިއުނާފު ފޯމުގައި ބަޔާންކޮށްފައިވާ ކަންތައްތަކަށް އެކަށީގެންވާ ގޮތެއްގައި ޖަވާބު ދެވޭނީ އިސްތިއުނާފު ފޯމުގައި ބަޔާންކުރަންޖެހޭ މަޢުލޫމާތުތައް ފުރިހަމަ ކުރެވިގެންކަން ޤަބޫލުކުރެވޭތީ، އިސްތިއުނާފުކުރުމަށް ހުށަހެޅި ފޯމަކީ މައުލޫމާތު ފުރިހަމަނުވާ ފޯމެއްކަން އެނގެން އޮންނާތީ، މި އިސްތިއުނާފު ފޯމުގެ މައްޗަށް ބިނާކޮށް މައްސަލަ ކުރިއަށް ގެންދެވޭނެ ތަނެއް އޮތްކަމަށް ނުފެންނަކަން؛
6.7 ޕޮއިންޓް ތްރީ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ހުށަހަޅާފައިވާ އިސްތިއުނާފީ ނުކުތާތަކުގެ ތަފުޞީލުގައާއި އަދި އެދޭގޮތުގައި ބަޔާންކޮށްފައިވާ ކަންކަމަކީ ހައިކޯޓުގައި އިސްތިއުނާފުކުރެވުނު ސިވިލް ކޯޓުގެ ގަޒިއްޔާގެ ވާގިއާގެ މައްޗަށް ހުށަހެޅިފައިވާ ކަންކަންކަމަށް ނުވާތީއާއި އަދި އެކަންކަމަކީ އިސްތިއުނާފުކުރެވިފައިވާ މައްސަލައިގެ މައުލޫއުއާ ގުޅުމެއް ނެތް، އެ ގަޒިއްޔާގައި ބަލާފައިވާ ކަންތައްތަކެއް ކަމުގައި ނުވާތީ، މި މައްސަލަ އިސްތިއުނާފުކުރުމަށް ޕޮއިންޓް ތްރީ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ހުށަހަޅާފައިވާގޮތަށް ކުރިއަށް ގެންދެވޭނެ ތަނެއްއޮތްކަމަށް ނުފެންނާތީ، ޕްއިންޓް ތްރީ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ހުށަހަޅާފައިވާ ދަޢުވާ ފޯމު ބާޠިލުކުރަންޖެހޭކަން؛
މިސަބަބުތަކުގެ މައްޗަށް ބުރަވެ ހައިކޯޓުން ޙުކުމްކުރީ ޕޮއިންޓް ތްރީ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ހުށަހެޅި އިސްތިއުނާފު ފޯމުގައި ފުރިހަމަކުރަންޖެހޭ މަޢުލޫމާތު ފުރިހަމަނުވާތީ އެ ފޯމުގެ މައްޗަށް އެ ގަޒިއްޔާ ކުރިއަށް ގެންދެވޭނެ ތަނެއް ނެތް ކަމަށެވެ.
ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރެވުނު ނުކުތާ
ހައިކޯޓުގެ ނަންބަރު 2020/HC-A/152 ގަޒިއްޔާ ނިންމާފައިވަނީ ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށް ބުނެ ޕޮއިންޓް ތްރީ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އެ ގަޒިއްޔާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރަމުން ހުށަހަޅާފައިވަނީ މައިގަނޑު އެއް ނުކުތާއެވެ. އެއީ ސިވިލް ކޯޓުގެ ނަންބަރު 700/Cv-C/2019 ގަޒިއްޔާ އިސްތިއުނާފުކުރުމަށް އެދި ޕޮއިންޓް ތްރީ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވާ އިސްތިއުނާފީ ފޯމުގައި ބަޔާންކޮށްފައިވާ ނުކުތާތަކުގައި ސިވިލް ކޯޓުގެ ނަންބަރު 700/Cv-C/2019 ގަޒިއްޔާގައި ޚުޞޫމާތް އުފެދިފައިވާ އެއްބަސްވުމާއި، އެ އެއްބަސްވުމާ ގުޅޭގޮތުން ފޮނުވާފައިވާ އިންވޮއިސްތަކުގެ ނަންބަރުތައް ދިމާނުވާކަމަށް ބުނެ، އެ ލިޔުމުގެ ކުށް އިޞްލާޙުކުރުމުގެ ފުރުޞަތެއް ދިނުމަކާނުލައި، ހައިކޯޓުން ބަލަމުންދިޔަ އެ ކޯޓުގެ ނަންބަރު 2020/HC-A/152 ގަޒިއްޔާގައި ހުށަހެޅި ނުކުތާތައް ބަލައިނުގަނެ، މައްސަލަ ބޭރުކޮށްފައިވަނީ ޤާނޫނުއަސާސީގެ 56 ވަނަ މާއްދާއާ ޚިލާފަށް، އެ މާއްދާގައި ބަޔާންކޮށްފައިވާ އިސްތިއުނާފީ ޙައްޤަށް ހުރަސްއެޅޭ ގޮތަށްކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
އިސްތިއުނާފު ފޯމުގައިވާ ކުށް އިޞްލާޙުކުރުމުގެ ފުރުސަތު ނުދިނުން
ޕޮއިންޓް ތްރީ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން މި މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރަމުން މައިގަނޑުގޮތެއްގައި ފާހަގަކޮށްފައިވަނީ ހައިކޯޓަށް ހުށަހެޅި އިސްތިއުނާފު ފޯމުގައިވާ ކުށް އިޞްލާޙުކުރުމުގެ ފުރުޞަތަކަށް ހައިކޯޓުގައި އެދުނު ނަމަވެސް، އު ފުރުސަތު ދިނުމަކާއި ނުލައި އިސްތިއުނާފު ފޯމުގެ މައްޗަށް މައްސަލަ ކުރިއަށް ނުގެންދެވޭނެކަމަށް ހައިކޯޓުން ކަނޑައަޅާފައިވަނީ އިސްތިއުނާފުކުރުމުގެ ޙައްޤަށް ހުރަސް އެޅޭގޮތަށް ކަމަށްބުނެއެވެ.
މި ނުކުތާގެ ތަފުޞީލުގައި ޕޮއިންޓް ތްރީ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ބުނެފައިވަނީ ހައިކޯޓަށް ހުށަހެޅި އިސްތިއުނާފު ފޯމުގައި ޙަވާލާދިނުމުގައި އޮޅުން އަރާފައިވަނީ ދެފަރާތު ދެމެދު ވެވުނު އެއްބަސްވުމުގެ ނަންބަރާއި، އިންވޮއިސް ނަންބަރުތައް ބަޔާންކުރުމުގައި ކަމަށެވެ. މައްސަލައިގެ ޙަޤީޤަތްތައް ބަޔާންކުރުމުގައި އޮޅުން އަރާފައިނުވާކަމަށެވެ.
މި ނުކުތާގެ ރައްދުގައި ފެނަކައިން ބުނެފައިވަނީ އިސްތިއުނާފު ފޯމުގައި ޙަވާލާދީފައިވާ އެއްބަސްވުމާއި، ފައިސާ ހޯދުމަށް އެދޭ އިންވޮއިސް ނަންބަރުތަކާއި، ފައިސާގެ އަދަދު ރަނގަޅު ނޫންކަމަށްވާތީ މައްސަލައިގެ ޙަޤީޤަތް ބަޔާންކޮށްފައިވަނީ ރަނގަޅަށް ނޫންކަމަށާއި، އިސްތިއުނާފު ފޯމުގެ ގިނަ ބައިތައް ރަނގަޅު ނޫންކަމަށް އޮތުމުން، ދަޢުވާ ފޯމު އިޞްލާކުރުމަށް އެދުނު ނަމަވެސް، އިޞްލާޙުކުރުމުގެ ފުރުސަތު ދިނުމަކީ ހައިކޯޓުގެ ގަވާއިދު 37 ވަނަ މާއްދާގެ ދަށުން ފަނޑިޔާރުންނަށް ލިބިގެންވާ އިޚްތިޔާރެއްކަމަށެވެ.
ހައިކޯޓަށް ހުށަހެޅި އިސްތިއުނާފު ފޯމުގައި ހުރި ކުށްތައް
އިސްތިއުނާފުކުރެވޭ ހައިކޯޓުގެ ނަންބަރު 2020/HC-A/152 ގަޒިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށް ބަލާއިރު، އެ މައްސަލައިގެ އަޑުއެހުން ބޭއްވިފައިވަނީ ހައިކޯޓުގެ ނަންބަރު 2020/HC-A/151 ގަޒިއްޔާއާއި އެކޯޓުގެ ނަންބަރު 2020/HC-A/153 ގަޒިއްޔާއާ އެކުއެކީގައިކަން އެނގެއެވެ. މި ތިން މައްސަލަވެސް ހައިކޯޓަށް ހުށަހެޅީ ޕޮއިންޓް ތްރީ ޕްރައިވެޓް ލިމިޓެޑުންނެވެ. އަދި އިސްތިއުނާފު ރައްދުވަނީ ފެނަކަ ކޯޕަރޭޝަން ލިމިޓެޑަށްކަމަށް މައްސަލަ ބެލި މަޖިލިހުގެ ރިޔާސަތުން މައްސަލަ ފަށަމުން ބަޔާންކޮށްފައިވެއެވެ.
ޕޮއިންޓް ތްރީ ޕްރައިވެޓް ލިމިޓެޑަށް ހައިކޯޓުގެ ނަންބަރު 2020/HC-A/152 ގަޒިއްޔާއާ ގުޅިގެން އިސްތިއުނާފީ ނުކުތާތައް ހުށަހެޅުމަށް ހައިކޯޓުގައި ފުރުސަތު ދިނުމުން، އިސްތިއުނާފީ ނުކުތާތަކުގެ 7.3 ވަނަ ނަންބަރުގައި ބަޔާންކުރެވެނީ ކުށެއްކަމަށާއި، އިންވޮއިސް ނަންބަރުތައް ބުނުމުގައި ކުށް ހެދިފައިވާތީ އެކަންކަން އިޞްލާޙުކުރުމުގެ ފުރުޞަތަކަށް އެދިފައިވެއެވެ. މީގެ އިތުރުން، އިސްތިއުނާފަށް ހުށަހެޅިފައިވާ ތިން މައްސަލައިގެ އަސާސަކީ ދާދި އެކައްޗެއްކަމަށް ބުނެފައިވެއެވެ.
ހައިކޯޓަށް ހުށަހެޅި އިސްތިއުނާފީ ފޯމުގައި އޮޅިފައިހުރި ކަންކަންކަމަށް ހައިކޯޓުގެ ޝަރީއަތުގެ މަޖިލިހުގައި ޕޮއިންޓް ތްރީ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން މައިގަނޑު ގޮތެއްގައި ފާހަގަކުރީ އިންވޮއިސް ނަންބަރުތަކަށް ހަވާލާދިނުމުގައި އަރާފައިހުރި އޮޅުންތަކަށެވެ. އެގޮތުން، ހައިކޯޓަށް ހުށަހެޅި އިސްތިއުނާފު ފޯމުގައި ޙަވާލާދީފައިވަނީ ޕޮއިންޓް ތްރީ ޕްރައިވެޓް ލިމިޓެޑްގެ ނަންބަރު P3-1/2018/37 އިންވޮއިސްއަށާއި P3-1/2018/53 އިންވޮއިސްއަށް ކަމަށާއި، ރަނގަޅު ގޮތަކީ އެ ކުންފުނީގެ ނަންބަރު P3-1/2018/038 އިންވޮއިސްއާއި ނަންބަރު P3-1/2018/054 އިންވޮއިސްކަމަށް ޕޮއިންޓް ތްރީ ޕްރައިވެޓް ލިމިޓެޑުން ފާހަގަކޮށްފައިވެއެވެ.
މީގެ އިތުރުން، ހައިކޯޓަށް ހުށަހެޅި އިސްތިއުނާފު ފޯމުގައި ޙަވާލާދީފައިވަނީ FNK-K(T)/FNK/AGR/2017/071 އެއްބަސްވުމަށެވެ. އިސްތިއުނާފުކުރެވޭ ހައިކޯޓުގެ ގަޒިއްޔާއިން ބެލުނު ސިވިލް ކޯޓުގެ ނަންބަރު 700/Cv-C/2019 ގަޒިއްޔާގައި ބަހުސްކުރެވުނީ ޕޮއިންޓް ތްރީ ޕްރައިވެޓް ލިމިޓެޑާއި ފެނަކައާ ދެމެދު ސޮއިކުރެވިފައިވާ ނަންބަރު FNK-K(T)/FNK/AGR/2017/070 އެއްބަސްވުމާ ގުޅިގެންކަމަށް ހައިކޯޓުން ފާހަގަކޮށްފައިވެއެވެ.
އަދި ހައިކޯޓަށް ޕޮއިންޓް ތްރީ ޕްރައިވެޓް ލިމިޓެޑުން ހުށަހެޅި އިސްތިއުނާފީ ފޯމުގައި އެދުނީ ފެނަކައިގެ ނަންބަރު FNK-K(T)/FNK/AGR/2017/071 އެއްބަސްވުން ބާޠިލުކުރުމުގެ ސަބަބުން އެ ކުންފުންޏަށް ލިބިފައިވާ ގެއްލުމުގެ ބަދަލެއްގެ ގޮތުގައި 2,588,741/70 (ދެމިލިއަން ފަސް ލައްކަ އަށްޑިހަ އަށްހާސް ހަތްސަތޭކަ ސާޅީސް އެކެއް ރުފިޔާ ހަތްދިހަ ލާރި) ދެއްކުމަށް ފެނަކައިގެ މައްޗަށް އަމުރުކޮށްދިނުމަށް ކަމުގައިވާއިރު، ސިވިލް ކޯޓުގެ ނަންބަރު 700/Cv-C/2019 ގަޒިއްޔާގައި ގެއްލުމުގެ ބަދަލުގެ ގޮތުގައި ނަގައިދިނުމަށް އެދިފައިވަނީ 2,080,873/20ރ. (ދެ މިލިއަން އަށްޑިހަ ހާސް އަށްސަތޭކަ ހަތްދިހަ ތިން ރުފިޔާ ވިހި ލާރި) ކަމަށް ހައިކޯޓުގެ ނަންބަރު 2020/HC-A/152 ގަޒިއްޔާގައި ފާހަގަކޮށްފައިވެއެވެ.
ވުމާއެކު، ހައިކޯޓަށް ޕޮއިންޓް ތްރީ ޕްރައިވެޓް ލިމިޓެޑުން ހުށަހެޅި އިސްތިއުނާފު ފޯމުގައިވާ މަޢުލޫމާތު ފުރިހަމަނުވާކަމަށް އެ ކޯޓުން ކަނޑައެޅި ކަނޑައެޅުން ބިނާވަނީ، އެ ފޯމުގައި ހަވާލާދިން 2 (ދޭއް) އިންވޮއިސްއަކާއި، އެއްބަސްވުމުގެ ނަންބަރާއި އަދި ގެއްލުމުގެ ބަދަލުގެ ގޮތުގައި އެދޭ އަދަދު އެ ފޯމުގައި ނުބައިކޮށްޖަހާފައި އޮތްއޮތުމުގެ މައްޗަށެވެ.
ފޯމުގައިވާ އަތުކުށް އިސްލާހުކުރުމަށް ފުރުސަތު ދިނުމަކީ ފަނޑިޔާރަށް ލިބިގެންވާ އިޚްތިޔާރެއްތޯ؟
ފެނަކައިގެ ފަރާތުން ފާހަގަކުރާ ހައިކޯޓުގެ ގަވާއިދުގެ 37 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވަނީ ހައިކޯޓުން ބަލައިގެންފައިވާ މައްސަލައެއްގައި ކޮންމެހެން އޮންނަންޖެހޭ ބައެއް ނޫންކަމަށް ފެންނަ ބައެއް، ދަޢުވާގައި ހިމެނިފައިވާނަމަ، ޝަރީޢަތުގެ ކޮންމެ މަރުޙަލާއެއްގައިވެސް، ކޯޓަށް ހުށަހެޅިފައިވާ ދަޢުވާއިން އެ ބައެއް އުނިކުރުމަށް ނުވަތަ އިޞްލާޙުކުރުމަށް ދަޢުވާކުރާ ފަރާތަށް އެންގުމުގެ އިޚްތިޔާރު އެ މައްސަލަ ބަލާ ފަނޑިޔާރުންގެ މަޖިލީހަށް ލިބިގެންވާކަމަށެވެ.
އަދި އެ މާއްދާގެ (ށ) ގައި ހައިކޯޓުން ބަލައިގެންފައިވާ މައްސަލައެއްގައި ހިމެނޭ އެއްވެސް ބައެއް އިޞްލާޙުކުރުމަށް މައްސަލައިގައި ހިމެނޭ ފަރާތަކުން އެދިއްޖެނަމަ، އެ އިޞްލާޙަކީ މައްސަލަ ރަނގަޅަށް ނިންމުމުގައި ކޮންމެހެން ބޭނުން އިޞްލާޙެއްކަމަށް ފަނޑިޔާރަށް ފެނިއްޖެ ޙާލަތެއްގައި، ކޯޓުން ކަނޑައަޅާ ގޮތެއްގެ މަތީން، އެބައެއް އިޞްލާޙުކުރުމުގެ ހުއްދަދިނުމުގެ އިޚްތިޔާރު އެ މައްސަލައެއް ބަލާ ފަނޑިޔާރުންގެ މަޖިލީހަށް ލިބިގެންވާކަމަށް ބަޔާންކޮށްފައިވެއެވެ.
ހައިކޯޓުގެ ގަވާއިދުގެ 37 ވަނަ މާއްދާގެ (ހ) އިޝާރާތްކުރަނީ އިސްތިއުނާފުކުރާ ފަރާތުން ހުށަހަޅާ ނުކުތާއެއް އުނިކުރުމަށް ނުވަތަ އިސްލާހުކުރުމަށް އެންގުމުގެ އިޚްތިޔާރު އެ މައްސަލަ ބަލާ ފަނޑިޔާރުންނަށް ލިބިފައިވާކަމަށެވެ. އިސްތިއުނާފު ފޯމުގެ ބައެއް އުނިކުރާ މިސާލެއްދޭނަމަ، ބައެއް އިސްތިއުނާފީ ފޯމުތަކުގައި ދަށު ކޯޓުގައި މައްސަލަ ބެލި މެޖިސްޓްރޭޓް ނުވަތަ ގާޒީއަށް ޒާތީގޮތުން ރައްދުވާ ވާހަކަތައް ބަޔާންކުރެވިފައިހުރެއެވެ. މައްސަލަ ރަޖިސްޓްރީކުރާ މަރުހަލާގައި މިފަދަ ނުކުތާތައް އުނިކުރުމަށް ހައިކޯޓުގެ ރަޖިސްޓްރާރ އަންގާފައިނުވާނަމަ، ޝަރީޢަތުގެ މަޖިލިހުގައި މިފަދަ ނުކުތާތައް އުނިކުރުމަށް މައްސަލަ ބަލާ ފަނޑިޔާރުން އަންގައެވެ. ނުވަތަ އެފަދަ ނުކުތާއެއް އިސްލާހުކޮށް އަލުން ހުށަހެޅުމަށް އަންގައެވެ.
ހައިކޯޓުގެ ގަވާއިދުގެ 37 ވަނަ މާއްދާގެ (ށ) ގެ ދަށުން ހިމެނެނީ މައްސަލައިގެ ޚަސްމުން އިސްތިއުނާފީ ނުކުތާތައް ނުވަތަ އެ ނުކުތާތަކުގެ ރައްދު، މައްސަލަ ބަލައިގަތުމަށްފަހު އިސްލާހުކުރަން ބޭނުންވާނަމަ، މައްސަލަ ބަލާ ފަނޑިޔާރުންގެ އިޒުނައާއެކު އެކަންކުރުމަށެވެ. މިސާލަކަށް، މައްސަލައިގެ ތެރެއިން އައު އިސްތިއުނާފީ ނުކުތާއެއް ހުށަހަޅަން ބޭނުންވާނަމަ، އެ ނުކުތާއެއް ހުށަހެޅޭނީ މައްސަލަ ބަލާ ފަނޑިޔާރުންގެ އިޒުނައާއެކުގައެވެ. މައްސަލައެއްގެ އިސްތިއުނާފީ ފޯމު ތައްޔާރުކުރާ ޤާނޫނީ ވަކީލު ނޫން އެހެން ވަކީލަކު ކޯޓަށް ހާޒިރުވާފަހަރު، އިސްތިއުނާފު ފޯމުގައިވާ ނުކުތާތަކުގެ އިތުރުން އައު ނުކުތާ ހުށަހެޅުމުގެ ހުއްދައަށް ބައެއް ފަހަރު އެދެއެވެ. ހަމަ އެފަދައިން، ހުށަހަޅާފައިވާ ބައެއް ނުކުތާތަކުގެ ތަރަހައިގެ ތެރެއިން އިސްތިއުނާފު ފޯމުގައި ހުށަނާޅާ އައު ޤާނޫނީ ބަހުސްވެސް ޝަރީޢަތުގެ މަޖިލިހުގައި ބައެއް ފަހަރު ހުށަހަޅައެވެ. މިފަދަ ކަންކަން ކުރުމަށް މައްސަލަ ބަލާ ފަނޑިޔާރުންގެ އިޒުނަ އޮތުމުގެ އެއް ސަބަބަކީ، މައްސަލަ ކޯޓަށް ބަލައިގަނެ، ރަޖިސްޓްރީވެގެން އަންނައިރު އޮންނަ އިސްތިއުނާފު ފޯމުގައި ހިމެނިފައިވާ ނުކުތާތަކުގެ ތަރަހައިން ބޭރުނުވުމަށް ބާރު އެޅުމެވެ. އަދި ބޭރުވާނަމަ، ފަނޑިޔާރުންގެ އިޒުނަ އެކަމުގައި އޮތުމެވެ.
ހައިކޯޓުގެ ގަވާއިދުގެ 37 ވަނަ މާއްދާގެ (ހ) ވެސް އަދި (ށ) ވެސް ރައްދުވަނީ މައްސަލައެއްގައި ހުށަހަޅާ ޤާނޫނީ ބަހުސަށް ނުވަތަ މައުލޫއީ ގޮތުން ހުށަހަޅާ ނުކުތާއަށެވެ. މިއާ ޚިލާފަށް، މައްސަލައިގެ އިސްތިއުނާފު ފޯމު ތައްޔާރުކުރުމުގައި ލިޔެވިފައިވާ އަތުކުށް ނުވަތަ އިމްލާކުށް އިޞްލާޙުކުރުމަށް ފުރުސަތު ދިނުމަކީ މުޅިން ތަފާތުކަމެކެވެ. އެހެނީ އެފަދަ އިސްލާހެއް ހުށަހެޅުމުގެ ނަތީޖާއަކީ މައްސަލައިގައި ހުށަހަޅާ ޤާނޫނީ ބަހުސް ބަދަލުވެގެންދިޔުމެއް ނޫނެވެ.
ސިވިލް ކޯޓުގެ ނަންބަރު 700/Cv-C/2019 ގަޒިއްޔާގެ ލިޔެކިޔުންތަކަށް ބަލާއިރު، ހދ. ފިނޭއާއި، ނ. މާޅެންދޫއާއި ދ. ހުޅުދެލީގައި ޕްރީފެބްރިކޭޓެޑް ޕަވަރހައުސް އެޅުމަށް ތަފާތު 3 (ތިނެއް) އެއްބަސްވުމެއް ވެފައިވެއެވެ. އަދި ލިޔެކިޔުންތައް ދައްކާގޮތުން، މި އެއްބަސްވުންތަކާއި ގުޅިގެން ދެފަރާތު ދެމެދު މުޢާމަލާތްކުރެވުނީ އެކުއެކީގައި އެއް ލިޔުންތަކަކުންނެވެ. މި ތިން ރަށުގެ އެއްބަސްވުން ފެނަކައިން ބާތިލުކުރުމާ ގުޅިގެން، މި އެއްބަސްވުންތަކާ ގުޅޭ މައްސަލަތައް ޕޮއިންޓް ތްރީ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅިއެވެ. އަދި ސިވިލް ކޯޓުން މި ތިން ރަށުގެ މައްސަލަ ބަލާފައިވަނީ ވަކި ތިން ގަޒިއްޔާއަކުންނެވެ. ސިވިލް ކޯޓުގައި ތަފާތު ތިން ގަޒިއްޔާއަކުން މައްސަލަ ބެލުނު ނަމަވެސް، މި ތިން މައްސަލައަކީވެސް އެކުއެކީގައި ހިންގާފައިވާ އެއް ވާގިއާތަކެއްގެ މައްޗަށް ހުށަހެޅުނު ތިން މައްސަލަކަން އެނގެއެވެ. ސިވިލް ކޯޓުން މި ތިން މައްސަލަވެސް ނިންމީ ފެނަކައާ އެއްކޮޅަށެވެ. އަދި ޕޮއިންޓް ތްރީ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން މި ތިން މައްސަލަވެސް ހައިކޯޓުގައި އިސްތިއުނާފުކުރިއެވެ.
ސިވިލް ކޯޓުގެ ނަންބަރު 700/Cv-C/2019 ގަޒިއްޔާ އިސްތިއުނާފުކުރުމަށް ހައިކޯޓަށް ހުށަހެޅުމުން، އިސްތިއުނާފަށް ހުށަހެޅުނު ނުކުތާތަކުގެ މައްޗަށް ބިނާކޮށް ހައިކޯޓަށް އެ މައްސަލަ ބަލައިގަނެ، ހައި ކޯޓުގައި އެ މައްސަލަ ހިންގީ ނ. މާޅެންދޫއާއި ދ. ހުޅުދެލީގެ މައްސަލައާ އެކުއެކީގައިކަން ލިޔެކިޔުންތަކުން އެނގެންއޮވެއެވެ. އެއީ މި ތިން މައްސަލައަކީވެސް ދާދި އެއްގޮތް ވާގިއާތަކެއްގެ މައްޗަށް ބިނާވެފައިވާ މައްސަލަތަކެއްކަމަށް ހައިކޯޓުގެ ފަނޑިޔާރުންނަށް ޤަބޫލުކުރެވިގެންކަމުގައި ދެކެމެވެ. މި ތިން މައްސަލައިގެވެސް އަސާސަކީ ދާދި އެކައްޗެއްކަމަށް ޕޮއިންޓް ތްރީ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ހައިކޯޓުގައި ފާހަގަކޮށްފައިވެއެވެ.
ޕޮއިންޓް ތްރީ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އިޞްލާޙުކުރުމުގެ ފުރުޞަތަކަށް އެދިފައިވާ އިންވޮއިސްތަކާއި، ހައިކޯޓުން ފާހަގަކޮށްފައިވާ އެއްބަސްވުމުގެ ނަންބަރާއި އަދި ގެއްލުމުގެ ބަދަލުގެ ގޮތުގައި ނަގައިދޭންވީ ޢަދަދުގައިވާ ކުށަކީ އިސްތިއުނާފީ ނުކުތާތަކުގެ މައުލޫއުއާގުޅޭ، އަދި އެ ނުކުތާތަކަށް ޖަވާބު ތައްޔާރުކުރުމުގައި މައުލޫއީގޮތުން އަސަރުކުރާނެ ކުށްތަކެއް ނޫނެވެ. ޙަވާލާދީފައިވާ އިންވޮއިސް ނަންބަރުތަކާއި، އެއްބަސްވުމުގެ ނަންބަރާއި އަދި ގެއްލުމުގެ ބަދަލުގެ ގޮތުގައި ދަށު ކޯޓުގައި ހޯދުމަށް އެދުނު އަދަދަކީ މައްސަލައިގައި ބަހުސް ކުރެވެންއޮތް ކަންތައްތަކެއް ނޫނެވެ. މިކަންކަން އިޞްލާޙުކުރުމަކުން މައްސަލައިގައި ހުށަހަޅާފައިވާ ޙުއްޖަތްތަކަށް ބަދަލެއް ނާންނާނެއެވެ.
ހައިކޯޓުގެ ނަންބަރު 2020/HC-A/152 ގަޒިއްޔާގެ ޝަރީއަތް ނިމުނު ގޮތުގެ ރިޕޯޓުގެ 10 ވަނަ ނަންބަރުގައި، ބުނެވިދިޔަ ކުށްތަކަށް އިޝާރާތްކޮށްފައިވާއިރު، އެއީ ހދ. ފިނޭގެ ޕްރީ ފެބްރިކޭޓެޑް ޕަވަރހައުސްއާ ގުޅޭ ލިޔެކިއުންތައް ނުވަތަ މައުލޫމާތު ނޫންކަމަށާއި، އެއީ ހައިކޯޓުގައި ހަމަ އެ މައްސަލައާއެކު ބަލަމުންދިޔަ ނ. މާޅެންދޫގެ ޕްރީ ފެބްރިކޭޓެޑް ޕަވަރހައުސްއާ ގުޅޭ މަޢުލޫމާތުކަން ފާހަގަކޮށްފައި އޮތުމުން، ޕޮއިންޓް ތްރީ ޕްރައިވެޓް ލިމިޓެޑުން އެހެން މައްސަލައެއްގެ ނަންބަރުތަކަށާއި އަދަދުތަކަށް ހަވާލާދީފައިވަނީ އަތުކުށަކުންކަން ސާފުކޮށް އެނގެއެވެ. އަދި އެ ނަންބަރުތަކާއި އަދަދުތައް އިސްލާހުކުރުމަށް ފުރުސަތު ދިނުމަކުން ޕޮއިންޓް ތްރީ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ހައިކޯޓަށް ހުށަހެޅި އިސްތިއުނާފީ ނުކުތާތަކުގައިވާ ޙަޤީޤަތްތަކާއި އިސްތިއުނާފީ ބަހުސަށް ބަދަލެއް އަތުވެދާނެކަމުގައި ނުދެކެމެވެ.
މައްސަލައިގެ ޙަޤީޤަތް ކަށަވަރުކުރުމަކީ މައްސަލަ ބަލާ ފަނޑިޔާރުންނަށް މައްސަލަ ބެލުމުގައި އޮންނަ ޒިންމާއެކެވެ. އެހެނީ، އިންސާފުވެރިކަމާއެކު ޙުކުމެއް ކުރެވޭނީ މައްސަލައިގެ ޙަޤީޤަތްތައް ދެނެގަނެވި ކަށަވަރުކުރެވިގެން ކަމުގައިވާތީއެވެ. ވުމާއެކު، މައްސަލައިގައި ވާގިއާއެއް ހުށަހެޅިފައިވާގޮތް އިސްލާހުކުރުމަށް ޚަޞްމަކު އެދުމުން، އަމުދުން އެއީ މައްސަލައިގައި ބަހުސްކުރުމުގެ ފުރުސަތު އޮތްކަމަކަށްނުވާނަމަ، އެ ފުރުސަތު ދިނުމަކީ ފަނޑިޔާރުގެ އިޚްތިޔާރަށް ދޫކުރެވިފައި އޮންނަ ކަމެއްކަމަކަށް އަހުރެންނަށް ޤަބޫލެއްނުކުރެވެއެވެ. އެފަދަ ފުރުސަތަކަށް އެދޭނަމަ، އެ ފުރުސަތު ޚަސްމުންނަށް ދޭންޖެހެއެވެ. ހަމަ އެފަދައިން، ފަނޑިޔާރުންނަށް ފާހަގަކުރެވޭ އަތުކުށްތަކާމެދު އޮންނަންވީ ގޮތަކީ ކޮބައިކަން ޚަސްމުންގެ ކިބައިން ފަނޑިޔާރުން ސާފުކުރަންވާނެއެވެ.
ހުށަހެޅިފައިމިވާ މައްސަލައިގައިވާފަދަ އަތުކުށްތައް އިސްލާހުކުރުމަށް ފުރުސަތު ދިނުމެއްނެތި، މައްސަލައިގެ އިސްތިއުނާފު ފޯމު ބާޠިލުކުރުމަކީ ޤާނޫނުއަސާސީގެ 56 ވަނަ މާއްދާގެ ދަށުން އިސްތިއުނާފުކުރުމުގެ ޙައްޤަށް އުނިކަން އަންނަ ފަދައިން ޢަމަލުކުރުންކަމުގައި އަހުރެން ދެކެމެވެ. ސަބަބަކީ، އެފަދަ ކުށްތަކަކީ ޙަޤީޤަތުގައި ކޯޓަށް މައްސަލަ ބަލައިގަތުމުގެ މަރުހަލާގައި އިސްލާހުކުރުމުގެ ފުރުސަތު ދޭންޖެހޭ ކުށްތައް ކަމުގައިވާއިރު، މައްސަލަ ކޯޓުން ބަލައިގަތުމަށްފަހު، މައްސަލައިގައި ހުށަހަޅާފައިވާ ޤާނޫނީ ބަހުސަށް ޖަވާބުދިނުމެއްނެތި، އިސްތިއުނާފު ފޯމުގައި ހުރި އަތުކުށްތަކަކަށް އިޝާރާތްކޮށް، އިސްތިއުނާފީ ދަޢުވާ ބާޠިލުކުރުމުން، އެ މައްސަލަ އިސްތިއުނާފުކުރުމުގެ ފުރުސަތު ޚަސްމަށް އެއްކޮށް ގެއްލިގެންދިޔުމެވެ. އެހެންގޮތަކަށް ބުނާނަމަ، ޤާނޫނީ ބަހުސެއް އޮތްކަމަށް ބުރަވެވިގެން ކޯޓުން ބަލައިގެންފައިވާ މައްސަލައަކާ މެދު ގޮތެއް ކަނޑައެޅުމެއްނެތި، ފަސޭހައިން އިސްލާހުކުރެވެން ހުރި ކަންތައްތަކެއް އިސްލާހުކުރުމަށް ފުރުސަތު ނުދީ، އެ މައްސަލަ ކޯޓުން ބޭރުކޮށްލުމުގެ ނަތީޖާއަކީ، އިސްތިއުނާފުކުރުމުގެ ޙައްޤެއް އޮތްކަމަށް ކޯޓަށް ޤަބޫލުކުރެވޭ ހާލަތެއްގައި، އެ ޙައްޤު ދިނުމެއްނެތި، އިސްތިއުނާފުކުރުމުގެ ދޮރު ބަންދުކުރުމެވެ. އެއީ، އެ މައްސަލަ އަލުން އިސްތިއުނާފުކުރުމަށް ހުށަހެޅުމުގެ ފުރުސަތު ޚަސްމަށް ނޯންނާނެތީއެވެ.
އެހެންކަމުން، ހައިކޯޓުގެ ނަންބަރު 2020/HC-A/152 ގަޒިއްޔާގައި މި މައްސަލައިގެ ކަންހިނގާފައިވާގޮތަށް ބަލާއިރު، މައްސަލައިގެ ވާގިއާތައް ބަޔާންކުރުމުގައި އަރާފައިވާ އޮޅުންތައް އިޞްލާޙުކުރުމަށް ފުރުސަތު ދިނުމެއްނެތި، އެ މައްސަލަ ކުރިއަށް ގެންދާނެ ތަނެއް ނެތްކަމަށް ކަނޑައަޅައި ހައިކޯޓުން މައްސަލަ ނިންމާފައިވަނީ ޤާނޫނީ އުޞޫލުތަކާ އެއްގޮތްވާގޮތުގެ މަތިން ނޫންކަމުން، މި މައްސަލައިގައި ފާހަގަކޮށްފައިވާ ކަންކަން އިސްލާހުކުރުމަށް ހައިކޯޓުން ޕޮއިންޓް ތްރީ ޕްރައިވެޓް ލިމިޓެޑަށް ފުރުސަތު ދިނުމާއެކު، މި މައްސަލައަކީ ހައިކޯޓުން އަލުން ބަލަންޖެހޭ މައްސަލައެއްކަމުގައިވާތީ، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނުގެ 18 ވަނަ މާއްދާގެ (ށ) ގެ ދަށުން މި މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓަށް ތަހުވީލުކުރަންޖެހޭކަމަށް އަހުރެން ދެކެމެވެ.
ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރައުޔު
މި މައްސަލައިގައި ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންގެ ރައުޔު
މި މައްސަލައިގައި ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ޙުކުމް
ދެންފަހެ، އިސްވެ ބަޔާންކުރެވުނު ކަންކަން އެގޮތުގެ މަތިން ހުރުމާއެކު،
ސިވިލް ކޯޓުގެ ނަންބަރު 700/Cv-C/2019 ގަޒިއްޔާ އިސްތިއުނާފުކުރުމަށް ޕޮއިންޓް ތްރީ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ހައިކޯޓަށް ހުށަހެޅުމުން ބެލުނު ހައިކޯޓުގެ ނަންބަރު 2020/HC-A/152 ގަޒިއްޔާގެ އިސްތިއުނާފު ފޯމުގައި މައްސަލައިގެ ޙަޤީޤަތް ބަޔާންކުރުމުގައި ޙަވާލާދީފައި ހުރި އޮޅުންތައް އިޞްލާޙުކުރުމަށް ޕޮއިންޓް ތްރީ ޕްރައިވެޓް ލިމިޓެޑްއަށް ފުރުސަތު ދިނުމެއް ނެތި، އެ އިސްތިއުނާފު ފޯމުގެ މައްޗަށް މައްސަލަ ކުރިއަށް ގެންދާނެ ތަނެއް ނެތްކަމަށް ހައިކޯޓުގެ ނަންބަރު 2020/HC-A/152 ގަޒިއްޔާގައި ޙުކުމްކޮށްފައިވަނީ، ޤާނޫނީ އުޞޫލުތަކާ އެއްގޮތްވާގޮތުގެ މަތިން ނޫންކަމުން، ހައިކޯޓުގެ ނަންބަރު 2020/HC-A/152 ގަޒިއްޔާގައިވާ ޙުކުމް ބާޠިލުކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި؛
ޕޮއިންޓް ތްރީ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ހުށަހެޅި އިސްތިއުނާފު ފޯމު އިސްލާހުކުރުމަށް ފުރުސަތު ދިނުމާއެކު، މި މައްސަލައަކީ ހައިކޯޓުން އަލުން ބަލަންޖެހޭ މައްސަލައެއްކަމަށް އަންގައި، ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 18 ވަނަ މާއްދާގެ (ށ) ގެ ދަށުން މި މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓަށް ތަހުވީލުކޮށް، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމްކޮށްފީމެވެ.
މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ:
ޙުސްނުއްސުޢޫދުއަޒްމިރާލްދާ ޒާހިރުޢަލީ ރަޝީދު ޙުސައިން(ރިޔާސަތު)
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.