ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އަރުޝަދު ޚާލިދު
ޚުލާޞާ
ޚުލާޞާ ނެތް.
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- —
- ފަހުގެ ތާރީޚު
- —
ނިންމުން
—
ކޯ ޓާމްސް
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
މި ލިޔުމުން އުޞޫލެއް ނުނެގުނު.
ފަނޑިޔާރުން
- ބެންޗު
- —
- ޚިލާފު ރައުޔު
- ނެތް
ޝަރީޢަތުގެ ވީޑިއޯ
ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އަރުޝަދު ޚާލިދު
ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުގެ ރައުޔު (ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު އަދި ފަނޑިޔާރު ޙުސްނުއްސުޢޫދު ތާއީދު ކުރައްވާފައި)
މައްސަލައިގެ ފަސްފަހަތް
ކްރިމިނަލް ކޯޓުގެ ނަންބަރު 190/Cr-C/2020 ޤަޟިއްޔާގައި އަރުޝަދު ޚާލިދު ގެ މައްޗަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން (މީގެ ފަހުން "ދައުލަތް") އުފުލި ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށުގެ ދަޢުވާ އަރުޝަދު ޚާލިދުގެ މައްޗަށް ސާބިތު ނުވާ ކަމުގައި އެ ކޯޓުން ޙުކުމް ކުރުމުން އެ މައްސަލަ އެ އޮފީހުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި 2021 ޑިސެމްބަރ 28 ވަނަ ދުވަހު އިސްތިއުނާފު ކުރިއެވެ. އެ މައްސަލައަށް ހައިކޯޓުން ދީފައިވާ ޤަޟިއްޔާ ނަންބަރަކީ 2022/HC-A/51 އެވެ.
ހައިކޯޓުގައި މައްސަލަ އިސްތިއުނާފު ކުރުމަށްފަހު، 2022 މެއި 31 ވަނަ ދުވަހު، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 199 ވަނަ މާއްދާގެ (ށ) ގެ ދަށުން ހައިކޯޓުގެ އިސްތިއުނާފު މަރުޙަލާ ނިމެންދެން އަރުޝަދު ޚާލިދު ބަންދުގައި ބަހައްޓައި ދިނުމުގެ އަމުރެއް ނެރެދިނުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ހައިކޯޓަށް ހުށަހަޅާފައިވެއެވެ. މި ހުށަހެޅުމާ ގުޅިގެން ހައިކޯޓަށް ހުށަހެޅިފައިވާ މައްސަލައާ ގުޅިގެން އެ ކޯޓުން އެއިރު ކުރެވެމުންދާ މަސައްކަތަކީ އަރުޝަދު ޚާލިދު ހައިކޯޓަށް ހާޒިރު ކުރުމުގެ މަސައްކަތް ކަމުގައިވާތީ، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން އެދިފައިވާ އަމުރު އެ ހިނދަށް ނެރެދިނުމާމެދު މައްސަލަ ބަލާ ފަނޑިޔާރުންގެ ބެންޗަށް އެއްބަސްވެވިފައި ނުވާކަން ފާހަގަކޮށް، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ހައިކޯޓުން 06 ޖޫން 2022 ގައި ޖަވާބު ދީފައިވެއެވެ.
ހައިކޯޓަށް ހުށަހެޅިފައިވާ މައްސަލައާ ގުޅިގެން އަރުޝަދު ޚާލިދު ބަންދުގައި ބަހައްޓައިގެން ހައިކޯޓަށް ހާޒިރު ކުރުމުގެ އަމުރެއް 07 ޖޫން 2022 ގައި ހައިކޯޓުން ފުލުހުންގެ މައްޗަށް ނެރެފައިވެއެވެ. މި އަމުރުގެ ދަށުން އަރުޝަދު ޚާލިދު ބަންދު ކޮށްފައި ވަނީ، 10 އޮކްޓޯބަރ 2022 ގައެވެ. އަދި މި ދުވަހު އޭނާ ބަންދު ކުރި ކުރުމާ ގުޅިގެން ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 40 ވަނަ މާއްދާގެ (އ) ގައިވާ އިޖުރާއަތު ފުރިހަމަ ކުރުމަށްޓަކައި 12 އޮކްޓޯބަރ 2022 ގައި އަރުޝަދު ޚާލިދު ހައިކޯޓަށް ހާޒިރުކޮށް އެ ކޯޓުގައި އޭނާ ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރު ކުރުމަށް ނެރުނު އަމުރާ ގުޅިގެން އަޑުއެހުމެއް ބޭއްވުނެވެ.
12 އޮކްޓޯބަރ 2022 ގައި ހައިކޯޓުގައި އޮތް އަޑުއެހުމުގެ ކުރިން 11 އޮކްޓޯބަރ 2022 ގައި ދެވަނަ ފަހަރަށް ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 199 ވަނަ މާއްދާގެ (ށ) ގެ ދަށުން ހައިކޯޓުގެ އިސްތިއުނާފު މަރުޙަލާ ނިމެންދެން އަރުޝަދު ޚާލިދު ބަންދުގައި ބަހައްޓައި ދިނުމުގެ އަމުރެއް ނެރެދިނުމަށް އެދި ދައުލަތުން ހައިކޯޓަށް ހުށަހެޅިއެވެ.
12 އޮކްޓޯބަރ 2022 ގައި ހައިކޯޓުގައި ބޭއްވުނު އަޑުއެހުމަށް އަރުޝަދު ޚާލިދު ހާޒިރު ވެފައިވަނީ ބަންދުގައި ހުރި މީހެއްގެ ގޮތުގައެއް ނޫނެވެ. ވުމާއެކު، އަރުޝަދު ޚާލިދު ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރު ކުރުމަށް ނެރެފައިވާ އަމުރާމެދު އިތުރު ގޮތެއް ނިންމޭނެ ޤާނޫނީ ސަބަބެއް އެ ވަގުތު ނެތްކަން ފާހަގަކޮށް، އަރުޝަދު ޚާލިދު ކޯޓަށް ހާޒިރުވާނޭ ކަން ކަށަވަރު ކުރުމުގެ ގޮތުން ވަކި ގޮތެއް އަންގަންދެން އަރުޝަދު ޚާލިދުގެ ޕާސްޕޯޓާއި ޓްރެވަލް ޑޮކިއުމަންޓް އަދި ރާއްޖެއިން ބޭރަށް ދަތުރު ކުރެވޭނެ އެ ނޫންވެސް ލިޔުމެއްވާ ނަމަ، ހައިކޯޓުން ވަކި ގޮތެއް އަންގަންދެން އެ ލިޔުންތައް ހިފެހެއްޓުމަށް މޯލްޑިވްސް އިމިގްރޭޝަންގެ މައްޗަށް ހައިކޯޓުން އަމުރު ކޮށްފައިވެއެވެ. އަދި "އަރުޝަދު ޚާލިދު ޢަމަލުކުރާ ގޮތެއްގެ ސަބަބުން އޭނާ ބަންދުގައި ބަހައްޓަން ޖެހޭނެ ކަމަށް ޕްރޮސިކިއުޝަނަށް ފެންނަ ޤާނޫނީ ސަބަބުތަކާއެކު، އެ ޤަޟިއްޔާގެ ޝަރީޢަތުގެ މަޖިލީހަށް ހުށަހަޅައިގެން އެ ނިންމުން މުރާޖަޢާ ކުރުމަށް ޕްރޮސިކިއުޝަނަށް ހުރަހެއް ނެތް" ކަމުގައި އެ އަމުރުގައި ހައިކޯޓުން ފާހަގަ ކޮށްފައިވެއެވެ.
އިސްތިއުނާފީ ނުކުތާ
ޝަރީޢަތުގެ ކުރިމަތީގައި މި އޮތް މައްސަލައަކީ އަރުޝަދު ޚާލިދު ބަންދުގައި ބަހައްޓައިގެން ހައިކޯޓަށް ހާޒިރު ކުރުމަށް އެ ކޯޓުން ކުރި އަމުރާ ގުޅިގެން 12 އޮކްޓޯބަރ 2022 ގައި އެ ކޯޓުގައި ބޭއްވި އަޑުއެހުމުގައި އަރުޝަދު ޚާލިދުގެ ބަންދާމެދު އެ ކޯޓުން ނިންމި ނިންމުން ޤާނޫނާ ޚިލާފު ކަމުގައި ބުނެ އެ ނިންމުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުން ބަލާ މައްސަލައެކެވެ.
ހައިކޯޓުގެ ނިންމުން އިސްތިއުނާފު ކުރަމުން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ފާހަގަ ކޮށްފައިވަނީ ހައިކޯޓުގެ ނިންމުން ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 199 ވަނަ މާއްދާ އާއި ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ) އާ ޚިލާފު ކަމުގައެވެ.
މި އިސްތިއުނާފީ ނުކުތާ ތަފުސީލު ކުރަމުން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ބުނެފައިވަނީ، ހައިކޯޓުގެ އިސްތިއުނާފީ މަރުޙަލާ ނިމެންދެން އަރުޝަދު ޚާލިދު ބަންދުގައި ބަހައްޓައި ދިނުމުގެ އަމުރެއް ނެރެދިނުމަށް އެދި ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 199 ވަނަ މާއްދާގެ (ށ) ގެ ދަށުން 11 އޮކްޓޯބަރ 2022 ގައި ހައިކޯޓަށް ހުށަހެޅި ނަމަވެސް، 12 އޮކްޓޯބަރ 2022 ގައި ހައިކޯޓުން އަރުޝަދު ޚާލިދުގެ ބަންދާމެދު ގޮތެއް ނިންމިއިރު، އެ ހުށަހެޅުމާމެދު އެ ކޯޓުން ގޮތެއް ނިންމާފައި ނުވާ ކަމުގައެވެ. ނަމަވެސް އެ އަޑުއެހުމުގައި ތަފުސީލުކޮށް ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 199 ވަނަ މާއްދާގެ (ށ) ގެ ދަށުން އަރުޝަދު ޚާލިދު ބަންދުކޮށް ދިނުމުގެ އަމުރެއް ނެރެދޭންޖެހޭ ކަމަށް ފެންނަ ސަބަބުތައް ޝަރީޢަތަށް ހިއްސާ ކުރި ކަމުގައެވެ. އަދި އެ އަޑުއެހުމުގައި އަރުޝަދު ޚާލިދުގެ ބަންދާމެދު އިތުރަށް ގޮތެއް ނިންމޭނެ ޤާނޫނީ އަސާސެއް ނެތް ކަމުގައި ހައިކޯޓުން ނިންމުމަކީ، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 199 ވަނަ މާއްދާގެ (ށ) ގެ ދަށުން އެ އޮފީހުން ހުށަހެޅި ހުށަހެޅުމާމެދު ގޮތެއް ނިންމުމަށް އޮތް ހުރަހެއް ނޫންކަން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ފާހަގަ ކޮށްފައިވެއެވެ.
އިތުރަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ފާހަގަ ކޮށްފައި ވަނީ، 12 އޮކްޓޯބަރ 2022 ގައި ހައިކޯޓުން އަރުޝަދު ޚާލިދުގެ ބަންދާމެދު ގޮތެއް ނިންމިއިރު، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 199 ވަނަ މާއްދާގެ (ށ) ގެ ދަށުން އަރުޝަދު ޚާލިދު ބަންދު ކޮށްދިނުން އެދި ދައުލަތުން ހުށަހެޅި ހުށަހެޅުމާމެދު ދިވެހިރާއްޖޭގެ ހައިކޯޓުން ގޮތެއް ނިންމަން ޖެހޭނެ ކަމުގައެވެ. އަދި އެ ކޯޓުން އެ ހުށަހެޅުމާމެދު ގޮތެއް ނިންމާފައި ނެތްއިރު، އެފަދައިން ގޮތެއް ނުނިންމި ސަބަބު ވެސް ހައިކޯޓުގެ ނިންމުމުގައި ބަޔާން ކޮށްފައި ނެތް ކަމުގައެވެ. އަދި އެ ކަމަކީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް މައްސަލައިގައި ސުޕްރީމް ކޯޓުން ފާހަގަކޮށްފައިވާ ނިންމުންތަކަށް ވާސިލުވި ސަބަބު ބަޔާން ކުރަން އޮންނަ އުސޫލާ ޚިލާފަށް ހައިކޯޓުން އަމަލު ކޮށްފައި އޮތް އޮތުމެއްކަން އެ އޮފީހުގެ ފަރާތުން ފާހަގަ ކޮށްފައިވެއެވެ.
މި ކަންކަން ފާހަގަ ކުރުމަށްފަހު، ދައުލަތުން އެދިފައިވަނީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2022/HC-A/51 ޤަޟިއްޔާގެ ތެރޭގައި، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 199 ވަނަ މާއްދާގެ (ށ) ގެ ދަށުން އަރުޝަދު ޚާލިދު ބަންދު ކޮށްދިނުމުގެ އަމުރެއް ނެރެދިނުމަށް އެދި ދައުލަތުން ހުށަހަޅައިފި ނަމަ، އެފަދަ އަމުރެއް ނެރެދިނުމާ މެދު ހައިކޯޓުން ގޮތެއް ކަނޑައަޅަންޖެހޭނެ ކަމުގައި ކަނޑައަޅައި ދިނުމަށެވެ.
އިސްތިއުނާފީ ނުކުތާގެ ރައްދު
އިސްތިއުނާފީ ނުކުތާގެ ރައްދުގައި އަރުޝަދު ޚާލިދުގެ ފަރާތުން ފާހަގަ ކޮށްފައިވަނީ ހައިކޯޓުގެ ނިންމުން ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 199 ވަނަ މާއްދާ އާ ޚިލާފު ކަމަށް ބެލެވޭނެ އެއްވެސް ކަމެއް ހައިކޯޓުގެ ނިންމުމުގައި ފާހަގަ ކޮށްފައި ނުވާކަމުގައެވެ. އަދި އެ މާއްދާގައިވާ އެއްވެސް އުސޫލަކާ ފުށުއަރާ ކަމެއް، ނުވަތަ އެއިން އުސޫލަކާ ޚިލާފު ވާހަކައެއް ހައިކޯޓުގެ ނިންމުމުގައި ފާހަގަ ކޮށްފައި ނުވާކަމުގައެވެ.
އިތުރަށް އަރުޝަދު ޚާލިދުގެ ފަރާތުން ފާހަގަ ކޮށްފައި ވަނީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 199 ވަނަ މާއްދާގެ ދަށުން ދައުލަތުގެ ފަރާތުން ހުށަހެޅި ކަމަށް ބުނާ ހުށަހެޅުމާމެދު ހައިކޯޓުން 12 އޮކްޓޯބަރ 2022 ގައި ބޭއްވުނު އަޑުއެހުމުގައި ގޮތެއް ނިންމަންޖެހޭނެ ތަނެއް ވެސް ނެތްކަމުގައެވެ. އެހެނީ އެ އަޑުއެހުމަކީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 40 ވަނަ މާއްދާގެ (އ) ގެ ދަށުން ހައިކޯޓުން އަރުޝަދު ޚާލިދު ބަންދުގައި ބަހައްޓައިގެން އެ ކޯޓަށް ހާޒިރު ކުރުމަށް ނެރެފައިވާ އަމުރަކާމެދު ގޮތެއް ނިންމުމަށްޓަކައި ބޭއްވި އަޑުއެހުމެއް ކަން އެ އަޑުއެހުން ފަށަމުން ފަނޑިޔާރުވެސް ފާހަގަ ކޮށްފައި ވުމެވެ. އަދި އެ އަޑުއެހުމުގެ ބޭނުމާމެދު ހުށަހެޅިފައިވާ އިސްތިއުނާފީ ނުކުތާގެ ތަފުސީލުތަކުގެ 03 ވަނަ ނަންބަރުގައި ދައުލަތުން ފާހަގަ ކޮށްފައިވަނީވެސް އަޑުއެހުމަކީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 40 ވަނަ މާއްދާގެ (އ) ގެ ދަށުން 72 ގަޑިއިރުގެ ތެރޭގައި އަރުޝަދު ޚާލިދު ފަނޑިޔާރެއްގެ ކުރިމައްޗަށް ގެނައުމަށްޓަކައި ބޭއްވުނު އަޑުއެހުމެއް ކަމުގައެވެ. ކަންމިހެން އޮތުމުން އެ އަޑުއެހުމުގައި ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 199 ވަނަ މާއްދާގެ ދަށުން ހުށަހެޅިފައިވާ ހުށަހެޅުމާމެދު ގޮތެއް ނިންމި ސަބަބު ބަޔާންކޮށް ދޭންޖެހޭ ތަނެއް މި މައްސަލައިގައި ނެތްކަމުގައި އަރުޝަދު ޚާލިދުގެ ފަރާތުން ފާހަގަ ކޮށްފައިވެއެވެ.
ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 199 ވަނަ މާއްދާ
ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 199 ވަނަ މާއްދާގައި ބަޔާން ވެފައިވަނީ ކުށެއް ސާބިތު ނުވާ ކަމަށް ދަށު މަރުޙަލާގެ ކޯޓުތަކުން ކުރާ ޙުކުމްތައް އިސްތިއުނާފު ކުރުމާގުޅޭ އުސޫލުތަކެވެ. މި ގޮތުން މި މާއްދާގެ (ހ) ގައި އެ ފަދަ ޙުކުމްތައް އިސްތިއުނާފު ކުރުމުގެ އިޚްތިޔާރު ޕްރޮސިކިއުޓަރ ޖެނެރަލަށް ލިބިގެންވާ ކަމުގައި ބަޔާން ކުރުމަށްފަހު، އެ މާއްދާގެ (ށ) އާއި (ނ) ގައި އޮތީ އަންނަނިވި ޢިބާރާތެވެ.
(ށ) މި މާއްދާގެ (ހ) ގައި ބުނެފައިވާ ފަދައިން އިސްތިއުނާފު ކުރާއިރު ދަޢުވާ ލިބުނު މީހަކީ ހައިކޯޓުގެ އިސްތިއުނާފު މަރުޙަލާ ނިމެންދެން ބަންދުގައި ހުންނަންޖެހޭ މީހެއް ކަމަށް ޕްރޮސިކިއުޓަރ ޖެނެރަލްއަށް ފެނިއްޖެނަމަ، އޭނާ ބަންދުކުރުމުގެ އަމުރެއް ނެރެދިނުމަށް ހައިކޯޓުގައި އެދުމުގެ އިޚްތިޔާރު ޕްރޮސިކިއުޓަރ ޖެނެރަލްއަށް ލިބިގެންވެއެވެ.
(ނ) މި މާއްދާގެ (ށ) ގައި ބުނެފައިވާ ފަދައިން ޕްރޮސިކިއުޓަރ ޖެނެރަލް އެދުމުން، ދަޢުވާ ލިބޭ މީހާ ބަންދުގައި ބަހައްޓަން ހައިކޯޓުގެ ފަނޑިޔާރުން ނިންމައިފިނަމަ، މި ޤާނޫނުގެ ތިންވަނަ ބައިގައިވާ ގޮތުގެމަތިން ކަފާލާތުގެ ދަށުން ބަންދުން ދޫކޮށްދިނުމަށް ފަނޑިޔާރުންގެ ކިބައިން އެދުމުގެ އިޚްތިޔާރު ދަޢުވާ ލިބޭ މީހާއަށް ލިބިގެންވެއެވެ.
މި ދެ އަކުރުގެ ތެރެއިން (ށ) ގައި ވަނީ ކުށް ސާބިތު ނުވެ، ދަށު މަރުޙަލާގެ ކޯޓަކުން ކުރާ ޙުކުމެއް ހައިކޯޓުގައި އިސްތިއުނާފު ކުރާ އިރު ދަޢުވާ ލިބުނު މީހަކީ ހައިކޯޓުގެ އިސްތިއުނާފު މަރުޙަލާ ނިމެންދެން ބަންދުގައި ހުންނަންޖެހޭ މީހެއް ކަމަށް ޕްރޮސިކިއުޓަރ ޖެނެރަލް އަށް ފެނިއްޖެނަމަ، އެ މީހަކު ބަންދު ކުރުމުގެ އަމުރެއް ނެރެދިނުމަށް ހައިކޯޓުގައި އެދުމުގެ އިޚްތިޔާރު ޕްރޮސިކިއުޓަރ ޖެނެރަލަށް ލިބިގެންވާ ކަމުގައެވެ. (ނ) ގައި އެވަނީ، އެ ފަދަ އަމުރެއްގެ ދަށުން ހައިކޯޓުން މީހަކު ބަންދުގައި ބަހައްޓަން ނިންމައިފިނަމަ، އެ މީހަކަށް ކަފާލާތުގެ ދަށުން ބަންދުން ދޫކޮށް ދިނުމަށް ހައިކޯޓުގައި އެދެވިދާނެ ވާހަކައެވެ.
12 އޮކްޓޯބަރ 2022 ގައި ހައިކޯޓުން ނިންމާފައިވާ ނިންމުމުގައި ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 199 ވަނަ މާއްދާގައި ބަޔާން ވެފައިވާ އުސޫލަކާ ޚިލާފު ކަމެއް ނިންމާފައި ވާކަން ނުވަތަ ނޫން ކަމަށް ބަލާއިރު، ހައިކޯޓުގެ ނިންމުމުގައި އެ މާއްދާގެ ދަށުން ހުށަހެޅުމެއް ހުށަހެޅި ކަމެއް، ނުވަތަ އެ ފަދަ ހުށަހެޅުމަކާމެދު ނިންމި ނިންމުމެއް ފާހަގަ ކޮށްފައި ނުވެއެވެ. އަދި އެ ކަންކަމަކީ އެ ނިންމުމުގައި ގޮތެއް ނިންމަންޖެހޭ ކަމެއްކަން ނުވަތަ ނޫންކަމަށް ބަލާއިރު، މި މައްސަލައިގެ ދެ ފަރާތުގެ ވާހަކަ އާއި މި އިސްތިއުނާފީ މައްސަލައިގައި ހުށަހެޅިފައިވާ އެންމެހައި ލިޔެ ކިޔުންތަކުން 12 އޮކްޓޯބަރ 2022 ގައި ހައިކޯޓުން ނިންމާފައިވާ ނިންމުމަކީ، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 40 ވަނަ މާއްދާގެ (އ) ގެ ބޭނުމަށްޓަކައި އެ ކޯޓުން އަރުޝަދު ޚާލިދު ބަންދުގައި ބަހައްޓައިގެން އެ ކޯޓަށް ހާޒިރު ކުރުމަށް ނެރުނު އަމުރާ ގުޅިގެން ބޭއްވިފައިވާ އަޑުއެހުމެއްކަން ސާފުކޮށް އެނގެއެވެ.
ވުމާއެކު ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 199 ވަނަ މާއްދާގެ ދަށުން ދައުލަތުން ހުށަހަޅާފައިވާ ހުށަހެޅުމާމެދު ހައިކޯޓުގެ އެ ނިންމުމުގައި ގޮތެއް ކަނޑައަޅަންޖެހޭނެ ތަނެއް އޮތްކަމުގައި ނުދެކެމެވެ. އަދި މިކަމާ ގުޅިގެން ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ) އާ ޙަވާލާދީ، ސުޕްރީމް ކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް މައްސަލައިގައި ފާހަގަ ކޮށްފައިވާ ވަކި އަމުރެއް ނެރެ ނުދިނުމަށް ފަނޑިޔާރު ނިންމާ ހާލަތުގައި އެކަމުގެ ސަބަބު ބަޔާން ކޮށްދޭންޖެހޭ މަހައްލެއް އުފަންވެ، އެކަމާ ގުޅިގެން އުފެދޭ ޤާނޫނީ ބަހުސެއް އޮތްކަމުގައި އަހުރެން ނުދެކެމެވެ.
މި އިސްތިއުނާފީ މައްސަލައާ ގުޅިގެން ސުޕްރީމް ކޯޓުގައި ބޭއްވުނު އަޑުއެހުމުގައި ޝަރީޢަތުން ކުރި ސުވާލުތަކުގެ އަލީގައި ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 199 ވަނަ މާއްދާގެ ދަށުން 11 އޮކްޓޯބަރ 2022 ގައި އަރުޝަދު ޚާލިދު ހައިކޯޓުގެ އިސްތިއުނާފީ މަރުޙަލާ ނިމެންދެން ބަންދުކޮށް ދިނުމަށް އެދި ދައުލަތުގެ ފަރާތުން ހުށަހަޅާފައިވާ ހުށަހެޅުމާމެދު ހައިކޯޓުން ގޮތެއް ކަނޑައަޅާފައިނުވާކަން އެނގެއެވެ. ވުމާއެކު، ޤާނޫނުގައިވާ ގޮތުގެ މަތިން އެ ހުށަހެޅުމާމެދު ގޮތެއް ކަނޑައެޅުމުގެ ފުރުސަތު ގެއްލިފައިވާ ކަމުގައި ނުދެކެމެވެ. އަދި ދައުލަތުން ހުށަހަޅައިފި ނަމަ، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 199 ވަނަ މާއްދާގެ ދަށުން އަރުޝަދު ޚާލިދު ހައިކޯޓުގެ އިސްތިއުނާފީ މަރުޙަލާ ނިމެންދެން ބަންދު ކުރުމުގެ އަމުރެއް ނެރެދިނުމާމެދު ހައިކޯޓުން ގޮތެއް ކަނޑައަޅަން އަމުރު ކުރާނެ ތަނެއް މި މައްސަލައިގައި އޮތްކަމުގައި ނުދެކެމެވެ. އެހެނީ އެފަދަ އަމުރަކަށް ދައުލަތުން އެދުމަށް ހުރަސްއަޅާނެ ތަނެއް، ނުވަތަ ހުށަހަޅައިފިނަމަ، އެ އަމުރާމެދު ގޮތެއް ކަނޑައެޅުމަށް ހައިކޯޓަށް ހުރަސް އެޅޭނެ ކަމެއް 12 އޮކްޓޯބަރ 2022 ގެ ހައިކޯޓުގެ ނިންމުމުގައި ބަޔާންވެފައި ނެތެވެ.
މައްސަލަ ނިންމަން ފެންނަ ގޮތް
ކަންމިހެން އޮތުމުން ހައިކޯޓުގެ ނިންމުން ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 199 ވަނަ މާއްދާ އާއި ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ) އާ ޚިލާފުވާ ގޮތެއް ދައުލަތުން ބުނެދެވިފައިވާ ކަމުގައި އަހުރެން ނުދެކެމެވެ. އަދި ހައިކޯޓުގެ ނިންމުން ޤާނޫނީ އެ މާއްދާތަކާ ޚިލާފު ކަމުގައި ބަލައި އުފެދޭ ޤާނޫނީ ބަހުސެއް އޮތްކަމުގައި ވެސް އަހުރެން ނުދެކެމެވެ. ވުމާއެކު މި ހުށަހަޅާފައިވާ އިސްތިއުނާފީ ނުކުތާ އަހުރެން ބަލައި ނުގަންނަމެވެ. އަދި މި އިސްތިއުނާފީ ނުކުތާއާ ގުޅިގެން ހައިކޯޓުން ނިންމާފައިވާ ނިންމުމަށް ބަދަލު ގެންނަންޖެހޭ ފަދަ ސަބަބެއް އޮތްކަމުގައި ވެސް އަހުރެން ނުދެކެމެވެ.
ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ ރައުޔު
މި މައްސަލައިގައި ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރައުޔު
މި މައްސަލައިގައި ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ޙުކުމް
ދެންފަހެ، އިސްވެ ބަޔާންވެދިޔަ ސަބަބުތައް އެ ގޮތުގެ މަތިން ހުރުމުން، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 95-B2/CHT/2022/4637 (12 އޮކްޓޯބަރ 2022) ގެ ނިންމުމަށް ބަދަލު ގެންނަންޖެހޭ ފަދަ ޤާނޫނީ ސަބަބެއް ނެތްކަމުގައި މި މައްސަލަ ބެލި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައިފީމެވެ.
މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ:
އަޒްމިރާލްދާ ޒާހިރުމަޙާޒު ޢަލީ ޒާހިރުޙުސްނުއްސުޢޫދު(ރިޔާސަތު)
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.