ދިވެހިރާއްޖޭގެ މަތީ މަރުޙަލާގެ ކޯޓުތަކުން ކަނޑައަޅާފައިވާ ޤާނޫނީ އުޞޫލުތައް

Maldives Legal Precedents

Saeed Lex
[2023] SC 44 · 2022/SC-A/68ސުޕްރީމް ކޯޓު · 24 އޮކްޓޫބަރު 2023

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ ވ. ޓޫރިސްޓް ސަބްމެރިންސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް

ސުޕްރީމް ކޯޓު
ފަހުގެ ޙުކުމެއްގައި ޙަވާލާދީފައެއް ނުފެނޭޙުކުމުގެ ހާލަތު
ސުޕްރީމް ކޯޓު · 24 އޮކްޓޫބަރު 2023ބާވަތް: މަދަނީ

ޚުލާޞާ

ޚުލާޞާ ނެތް.

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
—
ފަހުގެ ތާރީޚު
—

ނިންމުން

—

ކޯ ޓާމްސް

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

މި ލިޔުމުން އުޞޫލެއް ނުނެގުނު.

ފަނޑިޔާރުން

ބެންޗު
—
ޚިލާފު ރައުޔު
ނެތް

ޝަރީޢަތުގެ ވީޑިއޯ

ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.

 ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު [2023] SC 44 2022/SC-A/68 ޝަރީޢަތް ނިމުނުގޮތް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ ވ. ޓޫރިސްޓް ސަބްމެރިންސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ފަނޑިޔާރުންގެ މަޖިލިސް ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދު ފަނޑިޔާރު ޙުސްނުއް ސުޢޫދު ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިން ނިމުނު ތާރީޚު 24 އޮކްޓޯބަރ 2023

އިސްތިއުނާފު ކުރެވުނު ޤަޟިއްޔާ 2021/HC-A/374 އިސްތިއުނާފު ރައްދުވާ ފަރާތް އިސްތިއުނާފުކުރާ ފަރާތް ޓޫރިސްޓް ސަބްމެރިންސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ ޤާނޫނީ ވަކީލު: އާދަމް މުޙައްމަދު ޢަބްދުﷲ، އެލީޓް ލޯ އެސޯސިއޭޓްސް އެލްއެލްޕީ ޤާނޫނީ ވަކީލު: ޑެޕިއުޓީ މެނޭޖަރ، މަރްޔަމް ޔާޝާ

މަދަނީ – ޓެކްސްއާގުޅޭ މައްސަލަ – ގުޑްސް އެންޑް ސަރވިސް ޓެކްސް އޮޑިޓް ރިޕޯޓް – ޓެކްސްގެ ގޮތުގައި ދައްކަންޖެހޭ ފައިސާ – ޖީ.އެސް.ޓީ ހިސާބުކުރުމުގައި އަރާފައިވާ އޮޅުން – މީރާގެ ނިންމުމަށް އިޢުތިރާޟުކުރުމަށް ލިބޭ މުއްދަތު އިސްތިއުނާފު އުފަންކުރާ އަސާސް – އެރިތުމެޓިކަލް އެރަރ (Arithmetical error)

ފިހުރިސްތު

ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔު 2

ތަޢާރުފު 2

މައްސަލައިގެ ކަންހިނގާފައިވާ ގޮތް 2

ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ނަންބަރު TAT-CA-M/2020/005 މައްސަލަ 4

އިސްތިއުނާފު ކުރެވޭ މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައިވާ ގޮތް 5

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައިވާ ނުކުތާތަކާއި އެއިގެ ރައްދު 6

ސުޕްރީމް ކޯޓުން ގޮތް ކަނޑައަޅަންޖެހޭ ނުކުތާ 7

ހަވާލާދީފައިވާ ޤާނޫނީ މަސްދަރުތައް 7

އިސްތިއުނާފު ބަލައިގަތުމާ ގުޅިގެން ހިނގާފައިވާ ކަންކަން 8

ހައިކޯޓުން ޤާނޫނަށް ރިއާޔަތްކޮށްފައި ނުވާކަމަށް ބުނާ ބުނުން 9

ޓޫރިސްޓް ސަބްމެރިންސް މޯލްޑިވްސްގެ ފަރާތުން އެދިފައިވާ ގޮތް 10

ހައިކޯޓުގެ ނިންމުން 12

ސުޕްރީމް ކޯޓުގެ ނަންބަރު 2021/SC-HCL/40 ނިންމުން 12

ހައިކޯޓުގެ ނިންމުން ރަނގަޅުތޯ؟ 14

ނިންމަން ފެންނަ ގޮތް 16

ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރައުޔު 17

ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންގެ ރައުޔު 17

ޙުކުމް 17

` މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ ވ. ޓޫރިސްޓް ސަބްމެރިންސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް [2023] SC 44 ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔު (ފަނޑިޔާރު ޙުސްނުއްސުޢޫދު އަދި ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިން ތާއީދު ކުރައްވާފައި)

ތަޢާރުފު

1. މިއީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2021/HC-A/374 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށްޓަކައި މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) (މީގެ ފަހުން "އިސްތިއުނާފު ކުރާ ފަރާތް" ނުވަތަ "މީރާ"( ގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅުމުން، މި ކޯޓުގެ ނަންބަރު 2022/SC-A/68 ޤަޟިއްޔާއިން ބެލި އިސްތިއުނާފީ މައްސަލައެކެވެ. މި ޤަޟިއްޔާގައި އިސްތިއުނާފު ރައްދުވަނީ ޓޫރިސްޓް ސަބްމެރިންސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް1 (މީގެ ފަހުން "އިސްތިއުނާފު ރައްދުވާ ފަރާތް" ނުވަތަ "ޓޫރިސްޓް ސަބްމެރިންސް މޯލްޑިވްސް") ގެ މައްޗަށެވެ.

މައްސަލައިގެ ކަންހިނގާފައިވާ ގޮތް

2. މީރާގެ ފަރާތުން 01 ޑިސެންބަރު 2014 އިން 31 ޖުލައި 2017 ގެ ނިޔަލަށް ހުރި ޓޫރިސްޓް ސަބްމެރިންސް މޯލްޑިވްސްގެ ހިސާބުތަކުގެ ގުޑްސް އެންޑް ސަރވިސް ޓެކްސް އޮޑިޓް (މީގެ ފަހުން "ޖީ.އެސް.ޓީ އޯޑިޓް") އެއް2 ކުރުމަށްފަހު، 2017 ވަނަ އަހަރު ޓޫރިސްޓް ސަބްމެރިންސް މޯލްޑިވްސްގެ ފަރާތުން މީރާއަށް ޓެކްސްގެ ގޮތުގައި ދައްކަންޖެހޭ ފައިސާގެ ތެރެއިން 278,198/-ރ. (ދެލައްކަ ހަތްދިހައަށްހާސް އެއްސަތޭކަ ނުވަދިހައަށް ރުފިޔާ) މަދުން ދައްކާފައިވާކަން ފާހަގަވެފައިވާތީ، އެ ފައިސާ މީރާއަށް ދެއްކުމަށް އަންގައި، ޓޫރިސްޓް ސަބްމެރިންސް މޯލްޑިވްސްއަށް 02 ޑިސެންބަރު 2019 ގައި ނޯޓިސް އޮފް ޓެކްސް އެސެސްމެންޓް3 ފޮނުވާފައިވެއެވެ.

3. ޓޫރިސްޓް ސަބްމެރިންސް މޯލްޑިވްސްގެ ފަރާތުން ޖީ.އެސް.ޓީގެ ގޮތުގައި އިތުރަށް ދެއްކުމަށް (މީރާއިން އެކުލަވާލި ނޯޓިސް އޮފް ޓެކްސް އެސެސްމެންޓް މެދުވެރިކޮށް) އަންގާފައިވާ ފައިސާއަކީ އެ ކުންފުނިން ޖީ.އެސް.ޓީ ހިސާބު ކުރުމުގައި އަރާފައިވާ އޮޅުމެއްގެ ސަބަބުން ދައްކަންޖެހޭ ކަމަށް ފާހަގަކޮށްފައިވާ ފައިސާއެއް ކަމުގައި ބުނެ، ޓޫރިސްޓް ސަބްމެރިންސް މޯލްޑިވްސްއިން ކަން ހިނގާދިޔަގޮތް މީރާއަށް ހުށަހެޅުމަށް ބޭނުންވާކަން ފާހަގަކޮށް، މީރާއިން ނިންމި ނިންމަށް އިއުތިރާޒު ކުރުމަށް ލިބޭ 30 (ތިރީސް) ދުވަހުގެ މުއްދަތު އިތުރުކޮށް ދިނުމަށް އެދި 18 މާރިޗު 2020 ގައި ޓޫރިސްޓް ސަބްމެރިންސް މޯލްޑިވްސްއިން ސިޓީއެއް4 ހުށަހެޅިއެވެ.

4. އިއުތިރާޒުކުރުމުގެ މުއްދަތު އިތުރު ކުރުމަށް އެދި ޓޫރިސްޓް ސަބްމެރިންސް މޯލްޑިވްސްގެ ފަރާތުން މީރާއަށް ހުށަހަޅާފައިވަނީ އިއުތިރާޒުކުރުމަށް ޤާނޫނުގައި ކަނޑައަޅާފައިވާ 30 (ތިރީސް) ދުވަހުގެ މުއްދަތު ފަހަނައަޅައި ދިޔަފަހުން ކަމުގައި ފާހަގަކޮށް، ޓޫރިސްޓް ސަބްމެރިންސް މޯލްޑިވްސްގެ ފަރާތުން މުއްދަތު އިތުރު ކުރުމަށް އެދި ހުށަހަޅާފައިވާ ހުށަހެޅުމާ އެއްގޮތަށް މުއްދަތު އިތުރުކޮށްދެވެން ނެތް ކަމަށް ނިންމައި، މީރާއިން ޓޫރިސްޓް ސަބްމެރިންސް މޯލްޑިވްސްގެ ސިޓީއަށް ޖަވާބުދީފައިވެއެވެ.5

5. އިސްވެ ދެންނެވުނު މީރާގެ (ނަންބަރު 1002038/LTR-GGST/LSD/2020/02) ނިންމުން އިސްތިއުނާފު ކުރުމަށް އެދި ޓޫރިސްޓް ސަބްމެރިންސް މޯލްޑިވްސްގެ ފަރާތުން ޓެކްސް އެޕީލް ޓްރައިބިއުނަލްއަށް މައްސަލަ ހުށަހެޅިއެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ނަންބަރު TAT-CA-M/2020/005 މައްސަލަ

6. ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ނަންބަރު TAT-CA-M/2020/005 މައްސަލައިގައި އެ ޓްރައިބިއުނަލްއިން ނިންމާފައިވަނީ، ޓެކްސް އެޕީލް ޓްރައިބިއުނަލް (މީގެ ފަހުން "ޓްރައިބިއުނަލް") އަށް ހުށަހެޅި މައްސަލައިގައި ޓޫރިސްޓް ސަބްމެރިންސް މޯލްޑިވްސްގެ ފަރާތުން އެދިފައިވާ ގޮތަށް، އެ ކުންފުނީގެ ފަރާތުން މީރާގެ ނޯޓިސް އޮފް ޓެކްސް އެސެސްމެންޓްގައި ހުރި ކަންކަމާމެދު އިއުތިރާޒު ކުރުމަށް ލިބިދީފައި އޮތް 30 (ތިރީސް) ދުވަހުގެ މުއްދަތު އިތުރުކުރަންޖެހޭ ޝަރުޢީ އަދި ޤާނޫނީ ސަބަބެއް ނެތް ކަމަށެވެ.

7. ޓެކްސް އެޕީލް ޓްރައިބިއުނަލްއިން އިސްވެ ބަޔާންކުރި ފަދައިން މައްސަލަ ނިންމާފައިވަނީ އަންނަނިވި ކަންކަމުގެ މައްޗަށް ބިނާކޮށްކަން އެ މައްސަލަ ނިންމި ގޮތުގެ ރިޕޯޓަށް ބެލުމުން އެނގެން އޮވެއެވެ.

7.1. ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 42 ވަނަ މާއްދާގެ (ހ) ގައި "މީރާއިން ނިންމާ ނިންމުމަކާމެދު ޓެކްސް ދައްކާ ފަރާތުން އިއުތިރާޒުކުރާނަމަ އެ ނިންމުމެއް ނިންމި ތާރީޚުން ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި، އިއުތިރާޒު ކުރާކަމުގެ އެންގުމެއް މީރާއަށް ހުށަހަޅަންވާނެއެވެ." މިފަދައިން ބަޔާންކޮށްފައިވާތީ، މި މާއްދާގެ ދަށުން މީރާއިން ނިންމާ ނިންމުމަކާމެދު ހިތްހަމަނުޖެހޭނަމަ އެ ނިންމުމެއް ޠަޢުނުކުރުމަކީ އެ ނިންމުން ރައްދުވާ ފަރާތުގެ އިޚްތިޔާރުގައިވާ ކަމެއްކަން.

7.2. ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 77 ވަނަ މާއްދާގެ ދަށުން މުއްދަތު އިތުރުކުރުމަށް ހުށަހަޅަންޖެހޭނީ އެ ކަމެއް ކުރުމަށް ކަނޑައަޅާފައިވާ މުއްދަތު ހަމަވުމުގެ ކުރިންކަން އެނގެން އޮންނައިރު، ޓޫރިސްޓް ސަބްމެރިންސް މޯލްޑިވްސްއިން މުއްދަތު އިތުރު ކުރުމަށް އެދިފައިވަނީ ނޯޓިސް އޮފް ޓެކްސް އެސެސްމެންޓަށް އިއުތިރާޒު ކުރުމަށް ލިބިދީފައި އޮތް މުއްދަތު ހަމަވިފަހުންކަން.

7.3. ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 81 ވަނަ މާއްދާގެ ދަށުން އިއުތިރާޒު ކުރުމަށް ދީފައިވާ މުއްދަތު އިތުރު ކުރުމަށް އެދި ހުށަހަޅާއިރު މުއްދަތު އިތުރުކުރުމުގައި މެދުވެރިވާންޖެހޭ ޙާލަތްތަކުގެ ތެރެއިން ޙާލަތެއް ކުރިމަތިވެފައިވޭތޯ ޓްރައިބިއުނަލުން ކަށަވަރު ކުރަންޖެހޭކަން.

އިސްތިއުނާފު ކުރެވޭ މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައިވާ ގޮތް

8. ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ނިންމުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރުމަށް އެދި ޓޫރިސްޓް ސަބްމެރިންސް މޯލްޑިވްސްގެ ފަރާތުން ހުށަހެޅުމުން، މައްސަލަ ބެލި ހައިކޯޓު ނަންބަރު 2021/HC-A/374 ޤަޟިއްޔާއިން ޙުކުމްކޮށްފައިވަނީ ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ނަންބަރު TAT-CA-M/2020/005 މައްސަލައިގައި ނިންމާފައި ނިންމުން ބާތިލުކޮށް، އެ މައްސަލަ ޓެކްސް އެޕީލް ޓްރައިބިއުނަލްއިން އަލުން ބެލުމަށް ތަޙުވީލުކޮށެވެ.

9. ދިވެހިރާއްޖޭގެ ހައިކޯޓުން މައްސަލަ ނިންމާފައިވަނީ ޓެކްސް އެޕީލް ޓްރައިބިއުނަލްއަށް ހުށަހެޅުނު މައްސަލަ ހައިކޯޓުން ބެލުމުގައި ޢަމަލުކުރަންޖެހޭ ގޮތުގެ އިރުޝާދު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2021/SC-HCL/40 "އިސްތިއުނާފުކުރުމުގެ ހުއްދައާމެދު ހައިކޯޓުގެ ފަނޑިޔާރުންގެ ނިންމުން މުރާޖަޢާކޮށް ނިމުނުގޮތް" ގައި ބަޔާންކޮށްފައިވާ ކަމުގައި ބުނެ، ސުޕްރީމް ކޯޓުން ދީފައިވާ އިރުޝާދާ އެއްގޮތަށް ޓޫރިސްޓް ސަބްމެރިންސް މޯލްޑިވްސްގެ ފަރާތުން އަހަރީ ހިސާބު ހެދުމުގައި އަރާފައިވާކަމަށް ބުނާ އޮޅުން އިސްލާހު ކުރުމަށް މި މައްސަލަ ޓްރައިބިނަލް އަށް އަނބުރާ ފޮނުވުމަށެވެ.

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައިވާ ނުކުތާތަކާއި އެއިގެ ރައްދު

10. ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2021/HC-A/374 ޤަޟިއްޔާ ނިންމާފައިވަނީ ޤާނޫނާ އެއްގޮތަށް ނޫންކަމަށް ބުނެ އެ ޤަޟިއްޔާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމަށްޓަކައި ހުށަހަޅާފައިވަނީ މީރާގެ ފަރާތުންނެވެ. މީރާގެ ފަރާތުން އިސްތިއުނާފަށް ހުށަހެޅި ހަމައެކަނި ނުކުތާގައި ބުނެފައިވަނީ، ދިވެހިރާއްޖޭގެ ހައި ކޯޓުގެ ނަންބަރު 2021/HC-A/374 ޤަޟިއްޔާގެ ޙުކުމްގައި އެ އިރުޝާދަކަށް ބުރަވެ ޙުކުމްކުރައްވާފައިވާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2021/SC-HCL/40 "އިސްތިއުނާފުކުރުމުގެ ހުއްދައާ މެދު ހައި ކޯޓުގެ ފަނޑިޔާރުންގެ ނިންމުން މުރާޖަޢާކޮށް ނިމުނު ގޮތް" ތަރުތީބު ވެގެން އައިސްފައި ވަނީ ރަނގަޅު ނޫން ވާގިއާތަކެއްގެ މައްޗަށް ބުރަވެ ހުރެ ކަމަށްވާތީ، އެ ވާގިއާތަކަށް ހަވާލާދީ އިސްތިއުނާފު އުފަންކުރާ އަސާސްއަކީ އެއީ އެރިތްމެޓިކަލް އެރަރ (arithmetical error) ކަމަށް ބަލާ ހައި ކޯޓުން މައްސަލަ ނިންމާފައިވަނީ އިސްތިއުނާފު އުފަންކުރެވޭ މީރާގެ ނިންމުމަށް މުދަލާ ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނުގެ 63 ވަނަ މާއްދާއާއި، ޓެކްސް ނެގުމާ ބެހޭ އިދާރީ ޤާނޫނުގެ 77 ވަނަ މާއްދާއާއި، ޓެކްސް ނެގުމާ ބެހޭ އިދާރީ ގަވާއިދުގެ 71 ވަނަ މާއްދާގެ (ހ) އަށް އެއްވެސް ވަރަކަށް ރިޢާޔަތްކުރުމެއް ނެތި އެ މާއްދާތައް އެއްފަރާތްކުރުމަށްފަހުކަން ފާހަގަކޮށް ހުށަހެޅި ނުކުތާއެވެ.

11. ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2021/HC-A/374 ޤަޟިއްޔާ ނިންމާފައިވަނީ ޝަރުޢީ ނުވަތަ ޤާނޫނީ އުސޫލުތަކާ ޚިލާފަށް ކަމަށް ބުނެ މީރާގެ ފަރާތުން ހުށަހަޅާފައިވާ ސަބަބަށް ރައްދު ދިނުމުގެ ގޮތުން ޓޫރިސްޓް ސަބްމެރިންސް މޯލްޑިވްސްގެ ފަރާތުން މައިގަނޑު ގޮތެއްގައި ބުނެފައިވަނީ މީރާގެ ފަރާތުން އިސްތިއުނާފު ކުރުމަށް އެދި ހުށަހަޅާފައިވާ ސަބަބަކީ، ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ) އާއި 145 ވަނަ މާއްދާގެ (ނ) އާއި އަދި ޤާނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 20 ވަނަ މާއްދާގެ (ހ) އާއި (ށ) އާ ކަނޑައެޅިގެން ޚިލާފަށް، ސުޕްރީމް ކޯޓުގެ ނިންމުމަށް ގޮންޖަހައި، އެ ނިންމުމަށް ތަބާނުވުމަށް ހުށަހަޅާފައިވާ ނުކުތާއެއް ކަމުން، ޓޫރިސްޓް ސަބްމެރިންސް މޯލްޑިވްސްއިން އެދެނީ ހައިކޯޓުގެ ޙުކުމަށް ބަދަލެއް ގެނެވޭނެ ތަނެއް ނެތް ކަމަށް ކަނޑައަޅައި ޓޫރިސްޓް ސަބްމެރިންސް މޯލްޑިވްސްއިން މި މައްސަލައާ ގުޅިގެން ޚަރަދުކުރަން ޖެހުނު ޤާނޫނީ ޚިދުމަތުގެ ފީއަކީ މަދަނީ އިޖުރާއަތުގެ ޤާނޫނުގެ ދަށުން ޓޫރިސްޓް ސަބްމެރިންސް މޯލްޑިވްސްއަށް ދޭންޖެހޭ ފައިސާއެއްކަމަށް ކަނޑައަޅައި މި މައްސަލަ ނިންމައި ދިނުމަށް ކަމަށެވެ.

ސުޕްރީމް ކޯޓުން ގޮތް ކަނޑައަޅަންޖެހޭ ނުކުތާ

12. މި މައްސަލައިގައި ސުޕްރީމް ކޯޓުން ގޮތެއް ކަނޑައަޅަންޖެހެނީ، މުދަލާ ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނުގެ 63 ވަނަ މާއްދާއާ ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 77 ވަނަ މާއްދާއާ، ޓެކްސް ނެގުމާބެހޭ އިދާރީ ގަވާއިދުގެ 71 ވަނަ މާއްދާގެ (ހ) ގެ އަލީގައި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2021/SC-HCL/40 "އިސްތިއުނާފުކުރުމުގެ ހުއްދައާ މެދު ހައި ކޯޓުގެ ފަނޑިޔާރުންގެ ނިންމުން މުރާޖަޢާކޮށް ނިމުނު ގޮތް" އާ ހަވާލާދީ އިސްތިއުނާފު އުފަންކުރާ އަސާސަކީ އެރިތްމެޓިކަލް އެރަރ ކަމަށް ބަލައި، ހައިކޯޓުން މައްސަލަ ނިންމާފައިވަނީ ރަނގަޅަށްކަން ނުވަތަ ނޫންކަމުގެ މައްޗަށެވެ.

ހަވާލާދީފައިވާ ޤާނޫނީ މަސްދަރުތައް

13. ކުރިއަށް ދިއުމުގެ ކުރިން، މި މައްސަލައިގައި މީރާއިން ފާހަގަކޮށްފައިވާ ޤާނޫނީ މަސްދަރުތައް ތިރީގައި ހިމަނާނަމެވެ.

13.1. މުދަލާ ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނުގެ 63 ވަނަ މާއްދާ (ޖީ.އެސް.ޓީ ބަޔާނަށް އިޞްލާޙު ގެނައުން) ގައި އޮންނަނީ:

"ރަޖިސްޓަރީކޮށްފައިވާ ފަރާތަކުން މި ޤާނޫނުގެ 27 ވަނަ މާއްދާގެ ދަށުން ހުށަހަޅާ ޖީ.އެސް.ޓީ ބަޔާން ހުށަހެޅުމަށްފަހު، އެ ބަޔާން ހުށަހަޅަންޖެހޭ ތާރީޚުން ފެށިގެން ހިނގާ 12 (ބާރަ) މަސްދުވަހުގެ ތެރޭގައި، މީރާއަށް ލިޔުމުން އަންގާ އެންގުމެއް މެދުވެރިކޮށް، މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން، އެ ބަޔާނަށް އިޞްލާޙެއް ހުށަހެޅިދާނެއެވެ."

13.2. ޓެކްސް ނެގުމާ ބެހޭ އިދާރީ ޤާނޫނުގެ 77 ވަނަ މާއްދާ (މުއްދަތު އިތުރުކުރުމުގެ ބާރު) ގައި އޮންނަނީ:

"ޓެކްސް ޤާނޫނެއްގެ ދަށުން ލާޒިމްކުރާކަމެއް ކުރުމަށް ކަނޑައެޅިފައިވާ މުއްދަތުގައި އެކަމެއް ނުކުރެވޭނެ ފަދަ މަޤުބޫލު އުޒުރެއް މެދުވެރިވެއްޖެނަމަ، މި ޤާނޫނުގެ ދަށުން ހެދޭ ގަވާއިދުގައިވާ ގޮތުގެމަތިން، އެކަންކުރުމަށް ދެވިފައިވާ މުއްދަތު އިތުރުކުރުމުގެ އިޚްތިޔާރު މީރާއަށް ލިބިގެންވެއެވެ."

13.3. ޓެކްސް ނެގުމާ ބެހޭ އިދާރީ ގަވާއިދުގެ 71 ވަނަ މާއްދާގެ (ހ) (މުއްދަތު އިތުރުކޮށްދިނުން) ގައި އޮންނަނީ:

"ޤާނޫނުގެ 77 ވަނަ މާއްދާގެ ދަށުން މުއްދަތު އިތުރުކުރުމަށް އެދި ހުށަޅަންވާނީ، އެ ކަމެއް ކުރުމަށް ކަނޑައަޅައިފައިވާ މުއްދަތު ހަމަވުމުގެ ކުރިންނެވެ. އަދި މި ގޮތުން ހުށަހަޅާ ހުށަހެޅުމެއްގައި މުއްދަތު އިތުރުކޮށްދިނުމަށް އެ ފަރާތަކުން އެދޭ ސަބަބާއި، އެ ކަމެއް ފުރިހަމަކުރެވޭނެ ކަމަށް އެ ފަރާތުން ލަފާކުރާ މުއްދަތު ހިމަނަންވާނެއެވެ."

އިސްތިއުނާފު ބަލައިގަތުމާ ގުޅިގެން ހިނގާފައިވާ ކަންކަން

14. މި މައްސަލައިގައި އިސްތިއުނާފުކޮށްފައިވާ ނުކުތާއަށް އެއްޗެއް ބުނުމުގެ ކުރިން، މި މައްސަލައިގެ އިސްތިއުނާފު ބަލައިގަތުމާ ގުޅިގެން ފަސްފަހަތުގައި ހިނގާފައިވާ ކަންކަމަށް އަލި އަޅުވާލުންވެސް މުހިންމު ކަމުގައި ދެކޭތީ، އެކަންކަން ފާހަގަކުރާނަމެވެ.

15. މައްސަލަ ޓްރައިބިއުނަލްއިން (މި ރައުޔުގެ 6 އަދި 7 ވަނަ ޕެރެގްރާފްގައި ބަޔާންކޮށްފައިވާ ފަދައިން) ނިމުމުން،6 ޓޫރިސްޓް ސަބްމެރިންސް މޯލްޑިވްސްގެ ފަރާތުން ޓްރައިބިއުނަލްގެ ނިންމުން އިސްތިއުނާފުކުރުމަށް އެދި ހައިކޯޓަށް ހުށަހެޅި ހިނދު، އެ ކުންފުނީގެ ފަރާތުން ހުށަހެޅި އިސްތިއުނާފު އެ ކޯޓުގެ ރަޖިސްޓްރާރވަނީ ބަލައިނުގަތުމަށް ނިންމަވާފައެވެ.7 އެހެންކަމުން، ހައިކޯޓު ރަޖިސްޓްރާރގެ ނިންމުން އަލުން ބަލައިދިނުމަށް އެދި ޓޫރިސްޓް ސަބްމެރިންސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން، އެ މައްސަލަ ބެލި ހައިކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ނިންމާފައިވަނީ ރަޖިސްޓްރާރގެ ނިންމުމަށް ބަދަލު ގެންނަންޖެހޭ ތަނެއް ނެތްކަމަށެވެ.8

16. ހައިކޯޓުގެ ފަނޑިޔާރުން މައްސަލަ ބަލައިނުގަތުމަށް ނިންމި ނިންމުން ޓޫރިސްޓް ސަބްމެރިންސް މޯލްޑިވްސްގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅިއެވެ. އަދި އިސްތިއުނާފުކުރުމުގެ ހުއްދަދިނުމާމެދު ހައިކޯޓުގެ ފަނޑިޔާރުންގެ ނިންމުން މުރާޖަޢާކޮށް، ސުޕްރީމް ކޯޓުން ވަނީ ޓޫރިސްޓް ސަބްމެރިންސް މޯލްޑިވްސްގެ ފަރާތުން 10 ދުވަހުގެ ތެރޭގައި ހައިކޯޓަށް މައްސަލަ ހުށަހަޅައިފިނަމަ، މައްސަލަ ބަލައިގަނެ ގޮތެއް ނިންމުމަށް 13 އޮކްޓޯބަރ 2021 ގައި ނިންމާފައެވެ.9 މި މައްސަލައިގެ އިސްތިއުނާފު ހައިކޯޓަށް ހުށަހެޅި، އެ ކޯޓުން (މި ރައުޔުގެ 8 އަދި 9 ވަނަ ޕެރެގްރާފްގައި ބަޔާންކޮށްފައިވާ ފަދައިން) ގޮތް ކަނޑައެޅުނީ އެއަށްފަހުއެވެ.

ހައިކޯޓުން ޤާނޫނަށް ރިއާޔަތްކޮށްފައި ނުވާކަމަށް ބުނާ ބުނުން

17. އިސްތިއުނާފު ބިނާވާ އަސާސަކީ އެރިތްމެޓިކަލް އެރަރ އެއްކަމުގައި ބަލައި ހައިކޯޓުގެ ނިންމުމުން މައްސަލަ ނިންމާފައިވާ ނަމަވެސް، ކޯޓު ކުރިމަތީގައި އޮތް ސުވާލަކީ މީރާގެ ނިންމުންތަކާމެދު ހިތްހަމަ ނުޖެހޭ ފަރާތްތަކަށް އިއުތިރާޒުކުރުމަށް އޮންނަ މުއްދަތާމެދު އޮތް ސުވާލުކަމުގައި މީރާއިން ބުނެއެވެ. މީރާއިން ފާހަގަކޮށްފައިވާ ގޮތުގައި މައުޟޫޢާމެދު އޮޅުން އަރާފައިވަނީ ސުޕްރީމް ކޯޓުގެ "އިސްތިއުނާފުކުރުމުގެ ހުއްދައާމެދު ހައިކޯޓުގެ ފަނޑިޔާރުންގެ ނިންމުން މުރާޖަޢާކޮށް ނިމުނުގޮތް"10 ތަރުތީބުވެގެން އައިސްފައިވަނީ ރަނގަޅު ނޫން ވާގިއާތަކެއްގެ މައްޗަށް ބުރަވެކަމުގައިވާތީއެވެ. އެގޮތުން، ސުޕްރީމް ކޯޓުގެ އެ ނިންމުމުގައި އިސްތިއުނާފު ކުރުމުގެ އަސާސަކީ އެރިތްމެޓިކަލް އެރަރ އެއްކަމުގައި ބަލާފައިވާތީ، ހައިކޯޓުން މައްސަލަ ނިންމުމުގައިވެސް އެކަމަށް ބުރަދަންދެވި، މުދަލާ ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނުގެ 63 ވަނަ މާއްދާއާއި، ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 77 ވަނަ މާއްދާއާއި، ޓެކްސް ނެގުމާބެހޭ އިދާރީ ގަވާއިދުގެ 71 ވަނަ މާއްދާގެ (ހ) އަށް ހައިކޯޓުން އެއްވެސް މިންވަރަކަށް ރިއާޔަތްކޮށްފައި ނުވާކަމަށެވެ.

ޓޫރިސްޓް ސަބްމެރިންސް މޯލްޑިވްސްގެ ފަރާތުން އެދިފައިވާ ގޮތް

18. ޓެކްސް އެޕީލް ޓްރައިބިއުނަލްއިން ފެށިގެން ސުޕްރީމް ކޯޓާ ހަމައަށް މައްސަލަ ހުށަހެޅުނުއިރު، ޓޫރިސްޓް ސަބްމެރިންސް މޯލްޑިވްސްގެ ފަރާތުން ހުށަހެޅި ކަންކަން ހުށަހެޅުމުގައި އެ ކުންފުނީގެ ހިސާބުތައް ހެދުމުގައި އެރިތްމެޓިކަލް އެރަރ އަރާފައިވާތީ އެކަންކަން ރަނގަޅުކުރުމުގެ ފުރުސަތު ލިބިދޭންޖެހޭ ކަމުގައި ބުނެ ވާހަކަދައްކާފައިވާއިރު، އެ ކުންފުނީގެ ފަރާތުން ހުރިހާ މަރުހަލާތަކެއްގައި އެދިފައިވާ ގޮތް ތިރީގައި ވަކިވަކިން ހިމަނަމެވެ.

18.1. ޓޫރިސްޓް ސަބްމެރިންސް މޯލްޑިވްސްގެ ފަރާތުން ޓްރައިބިއުނަލްއަށް މީރާގެ ނިންމުން އިސްތިއުނާފު ކުރިއިރު އެދިފައިވަނީ "ޓެކްސް އޯޑިޓަށް ރައްދު ދިނުމަށް ދެވޭ މުއްދަތު 30 ދުވަހަށް އިތުރުކޮށްދެއްވުމަށް..."؛11

18.2. ޓޫރިސްޓް ސަބްމެރިންސް މޯލްޑިވްސްގެ ފަރާތުން ޓްރައިބިއުނަލްގެ ނިންމުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރިއިރު އެދިފައިވަނީ "..."ނޯޓިސް އޮފް ޓެކްސް އެސެސްމަންޓް" އަށް އިއުތިރާޒުކުރުމަށް އޮންނަ މުއްދަތު އިރުތުކޮށްދިނުމަށް އަމުރުކޮށް..." ދިނުމަށް؛12

18.3. މީރާއިން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް އިސްތިއުނާފު ހުށަހެޅުމުން، އޭގެ ރައްދުގައި ޓޫރިސްޓް ސަބްމެރިންސް މޯލްޑިވްސްގެ ފަރާތުން އެދިފައިވަނީ:13

(ހ) ހައިކޯޓުން މައްސަލަ ނިންމުމުގައި ސުޕްރީމް ކޯޓުގެ ނަންބަރު 2021/SC-HCL/40 "އިސްތިއުނާފުކުރުމުގެ ހުއްދައާ މެދު ހައި ކޯޓުގެ ފަނޑިޔާރުންގެ ނިންމުން މުރާޖަޢާކޮށް ނިމުނު ގޮތް" އާ ހަވާލާދީ، އެ ނިންމުމުގައިވާ އިރުޝާދު ތަޠުބީޤުކޮށް މައްސަލަ ނިންމާފައިވާތީ، ހައިކޯޓުގެ ނިންމުމަށް ބަދަލެއް ގެންނަން ޖެހޭތަކެއް ނެތްކަމުގައި ކަނޑައަޅާދިނުމަށާއި؛

(ށ) ހައިކޯޓުގެ ނިންމުން އިސްތިއުނާފުކޮށްފައިވަނީ ސުޕްރީމް ކޯޓުގެ ނަންބަރު

2021/SC-HCL/40 "އިސްތިއުނާފުކުރުމުގެ ހުއްދައާ މެދު ހައި ކޯޓުގެ ފަނޑިޔާރުންގެ ނިންމުން މުރާޖަޢާކޮށް ނިމުނު ގޮތް" އަށް ޗެލެންޖު ކުރުމުގެ ގޮތުން ކަމުގައިވާތީ، ޤާނޫނީ ޚިދުމަތަށް ޚަރަދުކުރި މިންވަރު ނަގައިދިނުމަށް؛

ކަން އެނގެން އޮވެއެވެ.

ހައިކޯޓުގެ ނިންމުން

19. އިސްވެ ބަޔާންކުރި ފަދައިން، ހައިކޯޓުގެ މަރުހަލާއާ ހަމައަށް ޓޫރިސްޓް ސަބްމެރިންސް މޯލްޑިވްސްގެ ފަރާތުން އެދިފައިވަނީ ނޯޓިސް އޮފް ޓެކްސް އެސެސްމެންޓަށް އިއުތިރާޒުކުރުމަށް އޮންނަ މުއްދަތު އިތުރު ކޮށްދިނުމަށް ކަން އެނގެން އޮތް ހިނދު، ހައި ކޯޓުން މައްސަލަ ޓްރައިބިއުނަލްއަށް ތަޙުވީލުކުރި ސަބަބަކީ ކޮބައިތޯއެވެ؟ މި ސުވާލު ކުރަންޖެހެނީ، ހައިކޯޓުގައި އިސްތިއުނާފުކުރެވުނު ޓްރައިބިއުނަލްގެ ނިންމުމުގައި ޖަވާބުދީފައިވަނީ، ނުވަތަ އެކަމުގެ މައްޗަށް ޓްރައިބިއުނަލްއިން ގޮތް ކަނޑައަޅާފައިވަނީ ޓޫރިސްޓް ސަބްމެރިންސް މޯލްޑިވްސްގެ ފަރާތުން އެ ޓްރައިބިއުނަލްއަށް ހުށަހެޅި ނުކުތާއަށް ކަމުގައިވާތީއެވެ.

20. ހައިކޯޓުގެ ނިންމުމަށް ބަލާއިރު، އެ ކޯޓަށް ހުށަހެޅުނު މައްސަލަ ތަފްސީލުކުރުމަށްފަހު، އެކަންކަމާމެދު ވަކި ކަމެއް ފާހަގަކުރުމަކާ ނުލައި ސުޕްރީމް ކޯޓުގެ ނަންބަރު 2021/SC-HCL/40 "އިސްތިއުނާފުކުރުމުގެ ހުއްދައާ މެދު ހައި ކޯޓުގެ ފަނޑިޔާރުންގެ ނިންމުން މުރާޖަޢާކޮށް ނިމުނު ގޮތް" ގައި ހައިކޯޓުން މައްސަލަ ކުރިއަށް ގެންދާންވީ ގޮތުގެ އިރުޝާދު ދީފައިވާ ކަމުގައި ބުނެ، މައްސަލަ ތަޙުވީލުކޮށްފައިވާކަން ފާހަގަވެއެވެ.

21. ހުށަހެޅުނު މައްސަލައިގެ މައުޟޫޢަށް ގޮތެއް ކަނޑައެޅުމަކާ ނުލައި، ސުޕްރީމް ކޯޓުގެ ނަންބަރު 2021/SC-HCL/40 "އިސްތިއުނާފުކުރުމުގެ ހުއްދައާ މެދު ހައި ކޯޓުގެ ފަނޑިޔާރުންގެ ނިންމުން މުރާޖަޢާކޮށް ނިމުނު ގޮތް" އަށް ހަވާލާދީ މައްސަލައިގައި ގޮތް ކަނޑައަޅާފައިވާތީ، ސުޕްރީމް ކޯޓުގެ ނަންބަރު 2021/SC-HCL/40 ނިންމުމުގައި އޮތް އެއްޗަކަށް ބަލާލުން މުހިންމު ކަމުގައި ދެކެމެވެ.

ސުޕްރީމް ކޯޓުގެ ނަންބަރު 2021/SC-HCL/40 ނިންމުން

22. ކުރިން (މި ރައުޔުގެ 15 އަދި 16 ވަނަ ޕެރެގްރާފްގައި) ފާހަގަކޮށްފައިވާ ފަދައިން، ސުޕްރީމް ކޯޓުގެ ނަންބަރު 2021/SC-HCL/40 ނިންމުމަކީ ޓްރައިބިއުނަލްގެ ނިންމުން ހައިކޯޓަށް އިސްތިއުނާފު ކުރުމުން، އެ ކޯޓުން އިސްތިއުނާފު މައްސަލަ ބަލައިނުގަތުމާ ގުޅިގެން، ހައިކޯޓުގެ އެ ނިންމުން ޓޫރިސްޓް ސަބްމެރިންސް މޯލްޑިވްސްގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅުމުން، މި ކޯޓުން ނިންމާފައިވާ ނިންމުމެކެވެ.

23. ހައިކޯޓުން މައްސަލަ ބަލައިނުގަތުމަށް ނިންމާ ނިންމުންތައް ސުޕްރީމް ކޯޓަށް އިސްތިއުނާފު ކުރުމުން، ސުޕްރީމް ކޯޓުން ގޮތް ކަނޑައަޅަނީ އެ ނިންމުން އިސްތިއުނާފުކުރާ ފަރާތުން މައްސަލަ ބަލައިގަންނަންޖެހޭ ކަމަށް ބަޔާންކޮށް ހުށަހަޅާފައިވާ ކަންކަމުގެ މައްޗަށް ބިނާކޮށެވެ.

24. ސުޕްރީމް ކޯޓުގެ ނަންބަރު 2021/SC-HCL/40 ނިންމުމަށް ބެލުމުން، އެ ނިންމުގައި އޮންނަނީ އަންނިވި ފަދައިންނެވެ.14

"4.6. ޓޫރިސްޓް ސަބްމެރިންސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްއިން އަހަރީ ހިސާބު ތައްޔާރުކުރުމުގައި އެރިތުމެޓިކަލް އެރާރއެއްގެ ސަބަބުން އެމެރިކާ ޑޮލަރުގެ އެކްސްޗޭންޖް ރޭޓް މާބޮޑުކޮށް ޖެހިފައިވުމުގެ ސަބަބުން ޓެކްސްއަށް އޮޅުން އަރާފައިވާކަން މީރާއަށާއި ޓޫރިސްޓް ސަބްމެރިންސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްއަށް ވެސް އެނގިފައިވާކަމަށް މައްސަލަ ހުށަހަޅާ ފަރާތުން ބުނާތީވެ، އެކަމަކީ އިސްތިއުނާފު އެ މައްޗަށް ބިނާކުރާ އަސާސް ކަމުގައިވާނަމަ، ހިސާބު ޖެހުމުގެ އެ ކުށް އިސްލާޙުކުރުމުގެ ފުރުސަތު ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 42 ވަނަ މާއްދާއާ ޙަވާލާދީ، މި މައްސަލައިގައި ގެއްލިފައިވާކަމަށް ނިންމާފައިވާތީ، ޓްރައިބިއުނަލްގެ ނިންމުން އިސްތިއުނާފު ކުރުމުގެ ފުރުޞަތު ޓޫރިސްޓް ސަބްމެރިންސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްއަށް ނުލިބިއްޖެނަމަ، އަތު ކުށެއްގެ މައްޗަށް ބިނާކޮށް އިތުރު ފައިސާއެއް ދައްކަން ޖެހުމަކީ ފާޅުކަން ބޮޑު ގޮތެއްގައި ޢަދުލުއިންސާފަށް ހުރަސްއެޅޭ ނިންމުމެއް ކަމުގައި ވެދާނެތީވެ، މި މައްސަލައަކީ ހައިކޯޓުން ބަލައިގަނެ، ހިސާބު ހެދުމުގައި އަރާފައިވާ އޮޅުން އިސްލާޙު ކުރުމަށް ޓްރައިބިއުނަލަށް އަނބުރާ ފޮނުވަންޖެހޭ މައްސަލައެއް ކަމުގައި ދެކެމެވެ.

4.7. އެހެންކަމުން، ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ނަންބަރު TAT-CA-M/2020/005

މައްސަލަ އިސްތިއުނާފު ކުރުމުގެ ހުއްދައަށް އެދި ޓޫރިސްޓް ސަބްމެރިންސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ހައިކޯޓުގައި ހުށަހަޅާފައިވާ ސަބަބުތަކަށާއި މައްސަލައިގައި ކަންހިނގާފައިވާ ގޮތަށް ރިޢާޔަތްކުރާއިރު، މި މައްސަލައަކީ ދިވެހިރާއްޖޭގެ ހައިކޯޓަށް އިސްތިއުނާފު ކުރުމުގެ ހުއްދަ ދޭންޖެހޭ މައްސަލައެއް ކަމުގައި ދެކެމެވެ."

25. އިސްވެ ހަވާލާދެވުނު ނިންމުމުން އެނގެން އޮތް ގޮތުގައި، ސުޕްރީމް ކޯޓަށް ލިބިއޮތް މައުލޫމާތުން، ޓޫރިސްޓް ސަބްމެރިންސް މޯލްޑިވްސްއިން ހިސާބުތައް ހެދުމުގައި އެރިތުމެޓިކަލް އެރަރ އަރާފައިވާކަމާއި، އެކަން މީރާއަށް އެނގޭކަން ޓޫރިސްޓް ސަބްމެރިންސް މޯލްޑިވްސްއިން ސުޕްރީމް ކޯޓާއި ހިއްސާކޮށްފައިވާކަން އެނގެއެވެ. އެހެންކަމުން، ސުޕްރީމް ކޯޓުގެ ނިންމުމުގައި ބުނެފައިވަނީ އެ ހިސާބުޖެހުމުގެ އޮޅުމަކީ ޓޫރިސްޓް ސަބްމެރިންސް މޯލްޑިވްސްއިން ހުށަހަޅާ މައްސަލައިގެ އަސާސްކަމުގައިވާނަމަ، ޤާނޫނަށް ޙަވާލާދީ އެ ކުށް އިސްލާޙުކުރުމުގެ ފުރުސަތު ނެތިގޮސްފި ކަމަށް ޓްރައިބިއުނަލްއިން ނިންމާފައިވާތީ، އެ ނިންމުން އިސްތިއުނާފުކުރުމުގެ ފުރުސަތު ޓޫރިސްޓް ސަބްމެރިންސް މޯލްޑިވްސްއަށް ލިބިނުދިނުމުގެ ނަތީޖާއަކީ އަތުކުށެއްގެ ސަބަބުން ފާޅުކަން ބޮޑު ގޮތެއްގައި ޢަދުލުއިންސާފަށް ހުރަސްއެޅޭ ނިންމުމެއް ދެމިއޮތުން ކަމުގައިވާނެކަމަށެވެ. އަދި މި ސަބަބަށްޓަކައި، މި މައްސަލައަކީ ހައިކޯޓުން ބަލައިގަނެ، ހިސާބު ހެދުމުގައި އަރާފައިވާ އޮޅުން އިސްލާޙު ކުރުމަށް ޓްރައިބިއުނަލަށް އަނބުރާ ފޮނުވަންޖެހޭ މައްސަލައެއް ކަމުގައެވެ.

ހައިކޯޓުގެ ނިންމުން ރަނގަޅުތޯ؟

26. ސުޕްރީމް ކޯޓުގެ ނިންމުމުގައި އޮތީ އިސްވެ ބަޔާންކުރެވުނު ގޮތަށް ކަމުގައިވާއިރު، އަދި މި މައްސަލަ އެކި މަރުހަލާތަކުގައި ހިނގާފައިވާ ގޮތަށާއި ޓޫރިސްޓް ސަބްމެރިންސް މޯލްޑިވްސްގެ ފަރާތުން މައްސަލަ ހުށަހަޅައިގެން އެދިފައިވާ ކަންކަމަށް ބަލާއިރު، އެ ކުންފުނީގެ ފަރާތުން ކުންފުނީގެ ހިސާބު ހެދުމުގައި އޮޅުން އަރާފައިވާކަމަށް ޓްރައިބިއުނަލް އަދި ހައިކޯޓުގައި ބުނެފައިވާ ނަމަވެސް، އެ ކުންފުނިން ހުށަހެޅި މައްސަލައަކީ ބުނެވުނު އެރިތުމެޓިކަލް އެރަރ ރަނގަޅުކުރުމަށް އެދިގެން، އެކަން ރަނގަޅު ކުރުމަށް ފުރުސަތު ނުދީގެން، އެކަން ފާހަގަކޮށް ހުށަހެޅުނު މައްސަލައެއް ނޫނެވެ. އަދި (ޓްރައިބިއުނަލް އަދި ހައިކޯޓުގައި) މައްސަލަ ހިނގިއިރު، ހިސާބުޖެހުމުގައި ހެދިފައިވާ ކުށުގެ ވާހަކަ ދެކެވިފައިވާ ނަމަވެސް، އެފަދައިން ފާހަގަކުރުމުގެ އިތުރުން، އެކަން އޮތީ ހަމަ ހަގީގަތުގައިވެސް އެފަދައިންކަން ދައްކުވައިދިނުމުގެ ގޮތުން އެއްވެސް ލިޔެކިޔުމެއް ޓޫރިސްޓް ސަބްމެރިންސް މޯލްޑިވްސްއިން ހުށަހަޅާފައި ނުވެއެވެ. ޓޫރިސްޓް ސަބްމެރިންސް މޯލްޑިވްސްގެ ފަރާތުން ހުށަހެޅި މައްސަލައިގައި އެދިފައިވަނީ ޤާނޫނުގައި ޝަކުވާ ހުށަހެޅުމަށް ބަޔާންކޮށްފައިވާ މުއްދަތު ފަހަނައަޅާ ދިއުމަށްފަހު، އެ މުއްދަތު އިތުރުކޮށްދިނުމަށެވެ.

27. އެހެންކަމުން، (މި ރައުޔުގެ 20 ވަނަ ޕެރެގްރާފްގައި ބަޔާންކޮށްފައިވާ ފަދައިން) ހައިކޯޓުގެ ނިންމުމަކީ ސުޕްރީމް ކޯޓުގެ އިރުޝާދާ އެއްގޮތަށް ނިންމާފައިވާ މައްސަލައެއްކަން ނުވަތަ ނޫންކަމުގެ މައްޗަށް ބަލާއިރު، ސުޕްރީމް ކޯޓުގެ ނަންބަރު 2021/SC-HCL/40 ނިންމުމުން މައްސަލަ ބަލައިގަތުމަށް އެދި ހުށަހަޅާފައިވާ ހުށަހެޅުން ބަލައިގަނެގެން ކުރިއަށް ގެންދަންޖެހޭކަމަށް ބަޔާންކޮށްފައިވަނީ ހިސާބުޖެހުމުގެ އޮޅުމަކީ ޓޫރިސްޓް ސަބްމެރިންސް މޯލްޑިވްސްއިން ހުށަހަޅާ މައްސަލައިގެ އަސާސްކަމުގައިވާނަމަ ކަމުގައިވެފައި، ހައިކޯޓަށް ހުށަހެޅުމުން ބަލައިގަތް އިސްތިއުނާފު މައްސަލައިގެ ތެރޭގައި އެރިތުމެޓިކަލް އެރަރގެ ވާހަކަ ދެކެވިފައިވާ ނަމަވެސް، އެ ކޯޓުގެ ކުރިމަތީގައި އޮތް ޤާނޫނީ ސުވާލަކީ ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 42 ވަނަ މާއްދާގެ (ހ) އިން މީރާގެ ނިންމުމަކާ ގުޅިގެން އިއުތިރާޒުކުރުމަށް އޮންނަ (އެ ނިންމުމެއް ނިންމި ތާރީޚުން ފެށިގެން) 30 (ތިރީސް) ދުވަހުގެ ތެރޭގައި އިއުތިރާޒު ހުށަހެޅުމަކާއި ނުލައި، އެ ޤާނޫނުގެ 77 ވަނަ މާއްދާއާއި ޓެކްސް ނެގުމާބެހޭ އިދާރީ ގަވާއިދުގެ 71 ވަނަ މާއްދާގެ (ހ) އެއްފަރާތް ކުރުމަށްފަހު، ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 42 ވަނަ މާއްދާގެ (ހ) ގައިވާ މުއްދަތު އިތުރުކުރެވިދާނެކަން ނުވަތަ ނޫންކަމުގެ މައްޗަށް އޮތް ސުވާލެވެ.

28. ހައިކޯޓުގެ ކުރިމަތީގައި އޮތީ ބުނެވުނު ސުވާލު ކަމުގައިވާހިނދު، އެ ޤާނޫނީ ނުކުތާއާމެދު އެއްވެސް ބަހެއް ބުނުމަކާ ނުލައި، ސުޕްރީމް ކޯޓުގެ ނަންބަރު 2021/SC-HCL/40 ނިންމުމުގައި ވަކި ގޮތަކަށް އަމަލުކުރުމަށް އަންގާފައިވާ ކަމަށް ދެކި، ހައިކޯޓުން ޓްރައިބިއުނަލްއަށް މައްސަލަ ތަޙުވީލު ކޮށްފައިވަނީ ރަނގަޅަށް ކަމުގައި އަހުރެން ނުދެކެމެވެ. އެހެނީ، ބުނެވުނު ސުޕްރީމް ކޯޓުގެ ނިންމުމުގައި މައްސަލަ ތަޙުވީލު ކުރަންޖެހޭ ކަމަށް ބަޔާންކޮށްފައިވަނީ ވަކި ވަކި ކަންތައްތަކެއް ވަކި ގޮތަކަށް ހުރިނަމަ ކަމަށް ބަޔާންކޮށްފައިވާތީއެވެ. މީގެ މާނައަކީ އެކަންކަން ހުރީ އެގޮތުގެ މަތިން ކަމުގައި ނުވާނަމަ، ހައިކޯޓުން މައްސަލަ ބަލައިގަތުމުގެ، އަދި ކިއެއްތަ، މައްސަލަ ތަޙުވީލު ކުރުމުގެ ފިޔަވަޅު އަޅަންޖެހޭ ޙާލަތެއް މެދުވެރިނުވާނެކަމެވެ.

ނިންމަން ފެންނަ ގޮތް

29. މި މައްސަލަ އެކި މަރުހަލާތަކުގައި ހިނގިއިރު ޓޫރިސްޓް ސަބްމެރިންސް މޯލްޑިވްސްގެ ފަރާތުން އެ ކުންފުނީގެ ހިސާބުތައް ހެދުމުގައި އެރިތްމެޓިކަލް އެރަރ އަރާފައިވާތީ އެކަންކަން ރަނގަޅުކުރުމުގެ ފުރުސަތު ލިބިދޭންޖެހޭ ކަމުގައި ބުނެ ވާހަކަދައްކާފައިވާ ނަމަވެސް، (މި ރައުޔުގެ 18 ވަނަ ޕެރެގްރާފްގައި ފާހަގަކޮށްފައިވާ ފަދައިން) ޓޫރިސްޓް ސަބްމެރިންސް މޯލްޑިވްސްގެ ފަރާތުން އެދިފައިވަނީ ނޯޓިސް އޮފް ޓެކްސް އެސެސްމަންޓް އަށް އިއުތިރާޒުކުރުމަށް އޮންނަ މުއްދަތު އިތުރުކޮށްދިނުމަށެވެ. ޓެކުހުގެ ނިޒާމުގެ ތެރެއިން ކުންފުނީގެ ހިސާބުތައް ހެދުމުގައި ހެދޭ ކުށް ރަނގަޅުކުރުމަށް ވަކި އިޖުރާއަތެއް އޮންނަ ހިނދު، އެ އިޖުރާއަތަކީ ނޯޓިސް އޮފް ޓެކްސް އެސެސްމަންޓަށް އިއުތިރާޒުކުރުމަށް އޮންނަ މުއްދަތާއި މުޅިން ވަކި، ތަފާތު އިޖުރާއަތެކެވެ. އެއީ އެ ކުންފުނީގެ ފަރާތުން ފަރުވާއެއް ހޯދަން އެދި ހުށަހެޅި ނުކުތާއެއް ނޫނެވެ.15

30. އިސްވެ ބުނެވުނު ކަންކަން އެހެން ހުރުމުން، އަހުރެން ދެކެނީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2021/HC-A/374 ޤަޟިއްޔާގެ ނިންމުން ބާތިލުކުރަންޖެހޭ ކަމުގައެވެ. އަދި ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ނަންބަރު TAT-CA-M/2020/005 މައްސަލައިގެ ނިންމުން ދަމަހައްޓަންޖެހޭ ކަމުގައެވެ.

ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރައުޔު

31. މި މައްސަލައިގައި ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންގެ ރައުޔު

32. މި މައްސަލައިގައި ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

ޙުކުމް

ދެންފަހެ، އިސްވެ ބަޔާންކުރެވުނު ކަންކަން އެގޮތަށް ހުރުމާއެކު، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު2021/HC-A/374 ޤަޟިއްޔާއިން ކޮށްފައިވާ ޙުކުމް ބާޠިލުކުރުމާއެކު، ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ނަންބަރު TAT-CA-M/2020/005 މައްސަލައިގެ ނިންމުމަށް ތާޢީދުކޮށް، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމްކޮށްފީމެވެ.

މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ: ޙުސްނުއްސުޢޫދު ޢާއިޝާ ޝުޖޫން މުޙައްމަދު ޢަލީ ރަޝީދު ޙުސައިން (ރިޔާސަތު)

1 ރަޖިސްޓްރޭޝަން ނަންބަރު C-0032/1999

2 ނަންބަރު CBD-CN/GST/2017/227 “Goods & Services Tax Audit Report” (02 ޑިސެންބަރު 2019)

3 މީރާގެ ނަންބަރު 1002038/NOTA-GGST/SMC/2019/03 "ނޯޓިސް އޮފް ޓެކްސް އެސެސްމަންޓް" (02 ޑިސެންބަރު 2019)

4 ނަންބަރު TSM/SN/2020/004 (18 މާރިޗު 2020) ސިޓީ.

5 މީރާގެ ނަންބަރު 1002038/LTR-GGST/LSD/2020/02 (4 މޭ 2020) ސިޓީ

6 ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ނަންބަރު TAT-CA-A/2020/005 މައްސަލަ

7 ހައިކޯޓުގެ ނަންބަރު 95-CR/PRIV/2021/39 "ރަޖިސްޓްރާރގެ ނިންމުން" (27 މެއި 2021)

8 ހައިކޯޓުގެ ނަންބަރު HC-RM/2021/57(NR) "ރަޖިސްޓްރާރގެ ނިންމުން މުރާޖަޢާކޮށް ނިމުނު ގޮތުގެ ރިޕޯޓު" (17 ޖޫން 2021)

9 ސުޕްރީމް ކޯޓުގެ ނަންބަރު 2021/SC-HCL/40 "އިސްތިއުނާފުކުރުމުގެ ހުއްދައާމެދު ހައިކޯޓުގެ ފަނޑިޔާރުންގެ ނިންމުން މުރާޖަޢާކޮށް ނިމުނުގޮތް" (13 އޮކްޓީބަރ 2021)

10 އބމ

11 ޓޫރިސްޓް ސަބްމެރިންސް މޯލްޑިވްސްގެ ފަރާތުން ޓްރައިބިއުނަލްއަށް ހުށަހެޅި "އިސްތިއުނާފު ކުރުމަށް ހުށަހަޅާ ފޯމް" ގެ 10 ވަނަ ނަންބަރުގައި ހިމަނާފައިވާ ކަންކަން (ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ނަންބަރު TAT-CA-M/2020/005 "މައްސަލަ ނިންމި ގޮތުގެ ރިޕޯޓު" ގެ ސަފުހާ 23 އިން 27 ގެ ނިޔަލަށް ހިމަނާފައި)

12 ދިވެހިރާއްޖޭގެ ހައިކޯޓަށް ޓޫރިސްޓް ސަބްމެރިންސް މޯލްޑިވްސްގެ ފަރާތުން ހުށަހެޅި "ފުރަތަމަ މަރުހަލާގެ ކޯޓުތަކާއި ޓްރައިބިއުނަލްތަކުން ނިންމާ ނިންމުންތައް އިސްތިއުނާފު ކުރުމަށް އެދި ހުށަހަޅާ ފޯމު" ގެ 10 ވަނަ ނަންބަރުގައި ހިމަނާފައިވާ ކަންކަން (ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2021/HC-A/374 "ޤަޟިއްޔާ ނިމުނުގޮތުގެ ރިޕޯޓު" ގެ ސަފުހާ 66 އިން 71 ގެ ނިޔަލަށް ހިމަނާފައި)

13 ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ޓޫރިސްޓް ސަބްމެރިންސް މޯލްޑިވްސްގެ ފަރާތުން ހުށަހެޅި "މައްސަލައިގެ ޖަވާބު ފޯމު" ގެ 7 ވަނަ ނަންބަރުގައި ހިމަނާފައިވާ ކަންކަން.

14 ނިންމުމުގައިވާ ކަމާ ގުޅޭ ކަންކަން ފާހަގަކުރުމުގެ ގޮތުން ރޮނގުބުރި އިތުރުކޮށްފައި.

15 ހުށަހެޅުނު މައްސަލަތަކުގެ ތެރެއިން އެކަން ފާހަގަކުރުމުގެ އިތުރުން، ހިސާބު ޖެހުމުގައި އޮޅުމެއް އަރާފައިވާތީ ޓޫރިސްޓް ސަބްމެރިންސް މޯލްޑިވްސްގެ ފަރާތުން އެކަން އިސްލާހުކުރުމަށް އެއްވެސް މަސައްކަތެއް ކޮށްފައިވާކަން މި މައްސަލައިގެ ތެރެއިން އެނގޭން ނެތެވެ.

2022/SC-A/68 [2023] SC 44

2019/SC-A/300 [2021] SC 778

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ޝެއަރ ކުރައްވާ