ސަޢުދު ޙުސައިންގެ ފަރާތު ވ. ޝީޒާ މޫސާ
ޚުލާޞާ
ޚުލާޞާ ނެތް.
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- —
- ފަހުގެ ތާރީޚު
- —
ނިންމުން
—
ކޯ ޓާމްސް
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
މި ލިޔުމުން އުޞޫލެއް ނުނެގުނު.
ފަނޑިޔާރުން
- ބެންޗު
- —
- ޚިލާފު ރައުޔު
- ނެތް
ޝަރީޢަތުގެ ވީޑިއޯ
ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.
ސަޢުދު ޙުސައިން ވ. ޝީޒާ މޫސާ
ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ ރައުޔު (ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރު އަދި ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމް ތާއީދު ކުރައްވާފައި)
ތަޢާރުފު
މި މައްސަލައަކީ ޝީޒާ މޫސާއަށް ސަރުކާރުން ދިރިއުޅުމަށް ދޫކޮށްފައިވާ ބަންޑާރަ ގޯތި، ދައުލަތުގެ ބޭނުމަކަށް ނަގާފައިވާތީ، އެ ގޯތީގެ ބަދަލުގައި ގއ. އަތޮޅު ހޮސްޕިޓަލް ކުރިމަތީގައި އޮތް ހުސް ބިމުން ގޯއްޗަކަށް އެދިފައިވަނިކޮށް، ޝީޒާ މޫސާއަށް ގޯތި ނުދީ ހަމަހަމަ ކަމުގެ އުޞޫލާ ޚިލާފަށް އެތަނުން ގއ. ވިލިނގިލި، އަޅިވިލާގެ، ސަޢުދު ޙުސައިންއަށް ގޯތި ދީފައިވާތީ، ހުވަދު އަތޮޅު އުތުރުބުރި ވިލިނގިލި ކައުންސިލްގެ (މީގެ ފަހުން "ވިލިނގިލި ކައުންސިލް" ނުވަތަ "ކައުންސިލް") އެ ނިންމުން ބާޠިލުކޮށް، ޝީޒާ މޫސާއަށް ގޯއްޗެއް ހަމަޖައްސައިދިނުމަށް އެދި ހުށަހެޅި މައްސަލައެކެވެ. މި މައްސަލަ ބެލީ ހުވަދުއަތޮޅު އުތުރުބުރީ ވިލިނގިލީ މެޖިސްޓްރޭޓް ކޯޓު (މީގެ ފަހުން "ވިލިނގިލީ މެޖިސްޓްރޭޓް ކޯޓު") ގެ ނަންބަރު 216/P2C/2015 ގަޒިއްޔާއިންނެވެ. ސަޢުދު ޙުސައިންއަށް ގޯއްޗެއް ދިނުމަށް ވިލިނގިލި ކައުންސިލުން ނިންމާފައިވާ ނިންމުން ބާޠިލުކޮށް، ޢަދުލުވެރި ހަމަހަމަ އުޞޫލަކަށް މިންކުރުމުގެ ގޮތުން އެ ރަށުގެ ބިމުގެ ޖާގަ ތަނަވަސް ތަނަކުން ޝީޒާ މޫސާއަށާއި ސަޢުދު ޙުސައިންއަށް ގޯތި ދިނުމަށް އަންގައި ވިލިނގިލީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 216/P2C/2015 ގަޒިއްޔާގައި ޙުކުމްކޮށްފައިވެއެވެ.
ވިލިނގިލީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 216/P2C/2015 ގަޒިއްޔާ އިސްތިއުނާފުކުރުމަށް ސަޢުދު ޙުސައިންގެ ފަރާތުން ހައިކޯޓަށް ހުށަހެޅިއެވެ. އެ މައްސަލަ ބެލީ ހައިކޯޓުގެ ނަންބަރު 2018/HC-S-A/25 ގަޒިއްޔާއިންނެވެ. އެ ގަޒިއްޔާގައި ޙުކުމްކުރީ ސަޢުދު ޙުސައިންއަށް ގޯއްޗެއް ދިނުމަށް ވިލިނގިލި ކައުންސިލުން ނިންމާފައިވާ ނިންމުން ބާޠިލުކަމަށާއި، ޢަދުލުވެރި ހަމަހަމަ އުޞޫލަކަށް މިންކުރުމުގެ ގޮތުން އެ ރަށުގެ ބިމުގެ ޖާގަ ތަނަވަސް ތަނަކުން ޝީޒާ މޫސާއަށާއި ސަޢުދު ޙުސައިންއަށް ގޯތި ދިނުމަށް ވިލިނގިލީ މެޖިސްޓްރޭޓް ކޯޓުން ނިންމި ނިންމުމަށް ތާއީދުކޮށެވެ.
މިއީ ބުނެވުނު ހައިކޯޓުގެ ނަންބަރު 2018/HC-S-A/25 ގަޒިއްޔާ އިސްތިއުނާފުކުރުމަށް ސަޢުދު ޙުސައިންގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅުމުން، ސުޕްރީމް ކޯޓުން އެ މައްސަލައާމެދު ނިންމި ގޮތެވެ.
މައްސަލައިގައި ކަންހިނގައިފައިވާ ގޮތް
ޝީޒާ މޫސާއާއި ސަޢުދު ޙުސައިންއާ ދެމީހުންނަށްވެސް ދޫކުރެވިފައިވާ ގޯތިތައް ދައުލަތުގެ ބޭނުމަކަށް މިދެމީހުންގެ ކިބައިން ވަކިކޮށްފައިވެއެވެ. މި މައްސަލަ ޝީޒާ މޫސާގެ ފަރާތުން ވިލިނގިލި މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުމާ ހަމައަށް އެ ވަކިކުރި ގޯތީގެ ބަދަލުގައި ޝީޒާ މޫސާއަށް އެހެން ގޯއްޗެއް ހަމަޖައްސައިދީފައިނުވެއެވެ.
7 ޖޫން 2007 ގައި ޝީޒާ މޫސާގެ އަތުން ނެގި ގޯތީގެ ބަދަލުގައި ރަށުގެ ބިން ހިއްކާ ސަރަޙައްދުން ގޯއްޗެއް ލިބޭނެކަމަށް ޝީޒާ މޫސާއަށް އެއިރުގެ ގއ. ވިލިނގިލީ އޮފީހުން އެންގިއެވެ. އެހެންނަމަވެސް، އެގޮތަށް ގޯއްޗެއް ޝީޒާ މޫސާއަށް ދައުލަތުން ހަމަޖައްސައިދީފައިނުވެއެވެ.
ދައުލަތުގެ ބޭނުމަކަށް ޝީޒާ މޫސާގެ ކިބައިން ނެގުނު ގޯތީގެ ބަދަލުގައި ގއ. ވިލިނގިލި ހޮސްޕިޓަލް ކުރިމަތިން އޮތް ހުސް ބިންތަކުން ގޯއްޗެއް ހަމަޖައްސައިދިނުމަށް އެދި ޝީޒާ މޫސާ 17 މެއި 2015 ގައި ވިލިނގިލި ކައުންސިލަށް ސިޓީއެއް ފޮނުވިއެވެ.
މި ތާރީޚުގައި ސަޢުދު ޙުސައިންއަށްވެސް ބަދަލުގައި އެހެން ގޯއްޗެއް ހަމަޖައްސައިދީފައި ނުވެއެވެ. ހުށަހެޅިފައިމިވާ މައްސަލައިގެ ޚުސޫމާތް އުފަންވީ، ވަކި ސަރަޙައްދަކުން ގޯއްޗަކަށް އެދި ޝީޒާ މޫސާ ވިލިނގިލި ކައުންސިލަށް ސިޓީއެއް ފޮނުވިތާ އެއް ހަފްތާ ފަހުން 24 މެއި 2015 ގައި ސަޢުދު ޙުސައިން ވިލިނގިލި ކައުންސިލަށް ސިޓީއެއް ފޮނުވި ހިސާބުންނެވެ. އެ ސިޓީގައި ސަޢުދު ޙުސައިންއަށް ދޫކުރި ގޯތި ދައުލަތުގެ ބޭނުމަކަށް ނަގާފައިވާތީ، އެ ގޯތީގެ ބަދަލުގައި އެހެން ގޯއްޗެއް ހަމަޖައްސައިދިނުމަށް އެދިފައިވެއެވެ. އަދި ވިދިގެން އައި ދުވަހު (އެއީ 25 މެއި 2015 ގައި) ސަޢުދު ޙުސައިންގެ ފަރާތުން ގޯތި ހަމަޖައްސައިދިނުމަށް ބޭނުންވަނީ ގއ. ވިލިނގިލި، ސަވާ ގޯތީގެ އިރުމަތިން އޮތް ހުސް ބިމުންކަމަށް ބުނެފައިވެއެވެ.
5 ޖުލައި 2015 ގައި ސަޢުދު ޙުސައިންގެ ފަރާތުން ފޮނުވި ސިޓީއާ މެދު ވިލިނގިލި ކައުންސިލްގެ ބިންބިމާބެހޭ ކޮމިޓީގައި މަޝްވަރާކުރެވުނެވެ. އަދި މި މަޝްވަރާގެ މައްޗަށް ބިނާކޮށް ވިލިނގިލީ ކައުންސިލްގެ 2015 ވަނަ އަހަރުގެ 42 ވަނަ ޢާންމު ޖަލްސާގައި ސަޢުދު ޙުސައިން ގޯއްޗެއް ބޭނުންވެގެން އެދިފައިވާ ސަރަޙައްދުން ގޯއްޗެއް ދިނުމަކީ ޤާނޫނީ ގޮތުން އެއްވެސް ހުރަހެއް އޮތްކަމަކަށް ނުވާތީ، ސަވާ ގޯތީގެ އިރުމަތިން އޮތް ހުސްބިމުން ގޯއްޗެއް ދިނުމާ ދޭތެރޭ ބިންބިމާބެހޭ ކޮމިޓީގެ ބައްދަލުވުމަށް ހާޒިރުވި މެންބަރުން އިއްތިފާޤުވެފައިވާތީވެ، ބިމާ ބެހޭގޮތުން ކުރިން ކައުންސިލުން ނިންމާފައިވާ ނިންމުންތައް ކެންސަލްކުރުމަށްފަހު ސަޢުދު ޙުސައިންއާ ބިން ޙަވާލުކުރުމަށް ފެންނަކަމަށް ޖަލްސާއަށް ހާޒިރުވި މެންބަރުންގެ އަޣުލަބިއްޔަތުން 7 ޖުލައި 2015 ގައި ފާސްކުރިއެވެ.
ސަޢުދު ޙުސައިންއަށް ދޭން ނިންމި ގޯއްޗަކީ އޭރުގެ އެ ރަށުގެ ލޭންޑް ޔޫސް ޕްލޭންގެ ދަށުން ވިޔަފާރި އުޞޫލުން ދޫކުރުމަށް އެކަށައަޅާފައިވާ ސަރަޙައްދެއްގައި އޮތް ބިމެކެވެ. އެހެންކަމުން، 7 ޖުލައި 2015 ގެ ވިލިނގިލި ކައުންސިލްގެ ނިންމުމަށްފަހު، އެ ކައުންސިލުން ރަށުގެ ލޭންޑް ޔޫސް ޕްލޭން ބަދަލުކުރުމަށް އެދި މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއަށް 30 ޖުލައި 2015 ގައި ސިޓީއެއް ފޮނުވިއެވެ. އެ ސިޓީގައި، ރަށުގެ އަމީނީމަގުގެ އިރުމަތީކޮޅުގެ އުތުރު ފަރާތު ހޮސްޕިޓަލް ކުރިމައްޗަށް ވާގޮތަށް އޮތް ބިމަކީ ރަށުގެ ލޭންޑް ޔޫސް ޕްލޭނުގައި ވިޔަފާރީގެ އުޞޫލުން ދޫކުރުމަށް އެކަށައަޅާފައިވާ ބިމެއް ކަމުގައިވާތީ، އެ ބިމުން ގޯއްޗެއްގެ މިން ލިބޭނަމަ، ރަށުގެ ލޭންޑް ޔޫސް ޕްލޭނަށް ބަދަލު ގެނެސް ގޯތި ދިނުމަށް ވިލިނގިލި ކައުންސިލްގެ 42 ވަނަ ޖަލްސާއިން ނިންމާފައިވާކަމަށް ބަޔާންކޮށްފައިވެއެވެ. އަދި ލޭންޑް ޔޫސް ޕްލޭން ބަދަލުކުރަން ބޭނުންވާ ސަބަބެއްގެ ގޮތުގައި ބަޔާންކޮށްފައިވަނީ އެތަނަކީ ވިޔަފާރި އުޞޫލުން ދޫކުރުމަށް ހަމަޖެހިފައިވާ ތަނެއްކަމުގައިވީނަމަވެސް، އެކި ސަބަބުތަކާހުރެ ބިން ދޫނުކުރެވި، ތަން ޖަންގައްޔަކަށް ބަދަލުވެ، އަބަދުމެ ގޮނޑަކަށްވެފައި އޮންނާތީ، ހޮސްޕިޓަލް ކުރިމައްޗަށް ވާގޮތަށް އޮތުމުން، އެއީ މީހުން ގިނަ ސަރަޙައްދަކަށްވެފައި، އެ ބިން އެގޮތުގައި އޮތުމުން އުފެދިދާނެ ބަލިމަޑުކަމަކުން ރައްކާތެރިވުމުގެ ގޮތުންކަމަށެވެ. އެހެންކަމުން، ރަށުގެ ލޭންޑް ޔޫސް ޕްލޭން ބަދަލުކޮށްދިނުމަށް މިނިސްޓްރީގެ ކިބައިން ކައުންސިލުން އެދިފައިވެއެވެ.
މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ޖަވާބެއް ލިބުމުގެ ކުރިން، 26 އޯގަސްޓް 2015 ގައި ވިލިނގިލި ކައުންސިލުން ޝީޒާ މޫސާ 17 މެއި 2015 ގައި ފޮނުވި ސިޓީއަށް ޖަވާބު ދީފައިވެއެވެ. އެ ސިޓީގައި ޝީޒާ މޫސާގެ ކިބައިން 50 ފޫޓު 100 ފޫޓުގެ ބިމެއް ދައުލަތަށް ނަގާފައިވާއިރު، އެ ގޯތީގެ ބަދަލުގައި ޝީޒާ މޫސާ އެދިފައިވާ ސަރަޙައްދުން 50 ފޫޓު 100 ފޫޓުގެ ގޯއްޗެއް ދެވެން ނެތްކަމަށް އަންގާފައިވެއެވެ. އަދި ރަށުގައި ހުސްބިންތައް ހުރުމުން، އެއިންތަނަކުން ބޭނުންވާނަމަ ގޯތި ހަމަޖެއްސިދާނެކަމަށް ބުނެފައިވެއެވެ.
މި ސިޓީއާ ހަވާލާދީ 8 އޮކްޓޯބަރު 2015 ގައި ޝީޒާ މޫސާ ވިލިނގިލި ކައުންސިލަށް ފޮނުވި ސިޓީގައި އެދިފައިވަނީ، އެ ބިމުން ލިބެން އޮތްވަރަކަށް ގޯތި ހަމަޖައްސައިދިނުމަށެވެ. އެ ސިޓީގެ ޖަވާބުގައި 19 އޮކްޓޯބަރު 2015 ގައި ވިލިނގިލި ކައުންސިލްގެ ފަރާތުން ބުނީ ޝީޒާ މޫސާ އެދިފައިވާ ބިމުން އެހެން މީހަކަށް ގޯއްޗެއް ދިނުމަށް ކައުންސިލުން ނިންމާފައިވާކަމަށެވެ. އަދި ރަށުގައި ހުސްބިންތައް ހުރުމުން އެއިންތަނަކުން ޝީޒާ މޫސާއަށް ބިމެއް ހަމަޖައްސައިދެވިދާނެކަމަށެވެ.
މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން ވިލިނގިލީ އަމީނީމަގުގެ އިރުމަތީ ކޮޅުގެ އުތުރު ފަރާތު ހޮސްޕިޓަލް ކުރިމައްޗަށް ވާގޮތަށް ވިޔަފާރީގެ އުޞޫލުން ދޫކުރަން އޮތް ބިމުން މީހުން ދިރިއުޅޭ ގޯއްޗެއް ނެގޭގޮތަށް ލޭންޑް ޔޫސް ޕްލޭނަށް ބަދަލު ގެނެސްފައިވާކަން ވިލިނގިލި ކައުންސިލަށް އަންގާފައިވަނީ 15 އޮކްޓޯބަރު 2015 ގައެވެ.
މި މައްސަލައިގައި އިޚްތިލާފު އުފެދުނީ މި ހިސާބުންނެވެ. އެއީ ޝީޒާ މޫސާގެ ފަރާތުން ގޯއްޗަކަށް އެދިފައިވަނިކޮށް ޝީޒާ މޫސާއަށް ގޯތި ނުދީ އޭގެ ފަހުން އެ ސަރަޙައްދުން ގޯއްޗަކަށް އެދުނު ފަރާތަކަށް ގޯތި ދީފައިވާތީއެވެ. ގޯތި ދީފައިވަނީ ހަމަހަމަކަމުގެ އުޞޫލާ ޚިލާފަށްކަމަށް ބުނެ ޝީޒާ މޫސާގެ ފަރާތުން ވިލިނގިލީ މެޖިސްޓްރޭޓް ކޯޓަށް މައްސަލަ ހުށަހެޅިއެވެ.
ވިލިނގިލީ މެޖިސްޓްރޭޓް ކޯޓުން މައްސަލަ ނިންމިގޮތް
ވިލިނގިލީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 216/P2C/2015 ގަޒިއްޔާގައި ޙުކުމްކުރީ ސަޢުދު ޙުސައިންއަށް ގޯއްޗެއް ދިނުމަށް ވިލިނގިލި ކައުންސިލުން ނިންމާފައިވާ ނިންމުން ބާޠިލުކޮށް، ޢަދުލުވެރި ހަމަހަމަ އުޞޫލަކަށް މިންކުރުމުގެ ގޮތުން ބިމުގެ ޖާގަ ތަނަވަސްވެގެންވާ ތަނަކުން ގޯތި ދިނުމަށް އަންގައެވެ. އަދި އެ ބިމަކީ މީގެ ފަހުންވެސް ރަށުގެ ޢާންމު މަންފާއަކަށް ބޭނުން ކުރުމަށް ބޭއްވޭ ބިމެއް ކަމަށާއި، އެ ބިން އެއްވެސް ފަރާތަކަށް ދިރިއުޅުމަށް ބަންޑާރަ ގޯއްޗެއްގެ ގޮތުގައި ނުދިނުމަށް ކަމާބެހޭ އެންމެހާ ފަރާތްތަކަށް އަންގައި، އެ ގަޒިއްޔާގައި އަމުރުކޮށްފައިވެއެވެ. ވިލިނގިލީ މެޖިސްޓްރޭޓް ކޯޓުން މި ނިންމުމަށް ވާސިލުވީ އަންނަނިވި ސަބަބުތަކުގެ މައްޗަށް ބުރަވެއެވެ.
ޝީޒާ މޫސާއާއި ސަޢުދު ޙުސައިންއާ މި ދެފަރާތަކީވެސް މި ދެފަރާތް ދިރިއުޅުމަށްޓަކައި ސަރުކާރުން ދޫކޮށްފައިވާ ބަންޑާރަ ގޯތި ޢާންމު މަންފާއަކަށްޓަކައި ސަރުކާރުގެ ބޭނުމަކަށް ނަގާފައިވާ ދެފަރާތްކަމާއި، މި ދެފަރާތަށްވެސް، ދެފަރާތުގެ އަތުން ނެގި ގޯތީގެ ބަދަލުގައި ގޯތި ދޭންޖެހޭނެކަމީ ދެފަރާތަށް ލިބިގެންވާ ޙައްޤެއްކަމާއި، މި ޙައްޤު މި ދެފަރާތަށް ފޯރުކޮށްދިނުމުގައި ޢަދުލުވެރި ހަމަހަމަ އުޞޫލަކަށް މިންކޮށް ޢަމަލުކުރުމަކީ ގޯތި ދޫކުރާ ފަރާތުގެ ޒިންމާއަކަށްވާންޖެހޭކަން.
މި ދެފަރާތުން ވަކި ތަނަކުން ގޯއްޗެއް ބޭނުންވެގެން ހުށަހަޅައިފިނަމަ، އެ ތަނަކީ ރަށުގެ ލޭންޑް ޔޫސް ޕްލޭނުގައި ގޯތި ދެވިދާނެ ތަނެއްކަމަށް ވެއްޖެނަމަ، އަދި އެތަނުން މި ދެ ފަރާތަށް ދެގޯތި ދެވޭނެފަދަ ބިމުގެ ތަނަވަސްކަން ހުރެއްޖެނަމަ އެތަނުން މި ދެފަރާތަށްވެސް ގޯތި ދިނުމަކީ ޢަދުލުވެރި އުޞޫލުކަމާއި، އެތަނުން ލިބެން އޮތީ އެންމެ ގޯއްޗެއް ނަމަ މި ދެފަރާތުންވެސް އެ ގޯތި ބޭނުންނަމަ، މި ދެފަރާތުން ކުރެ ފަރާތަކަށް ގޯތި ދިނުމަށް ޢަދުލުވެރި އިޖުރާއީ އުޞޫލުން ޢަމަލުކުރުމަކީ ކުރަންޖެހޭނެ ކަމެއްކަމާއި، އެ ގޮތުން، މި ދެފަރާތުން ކުރެ އެންމެ ފުރަތަމަ ބިމުން ގޯއްޗަކަށް އެދި ހުށަހަޅާފައިވާ ފަރާތަކަށް އިސްކަން ދިނުމަކީވެސް ޢަދުލުވެރި އުޞޫލެއްކަމާއި، ނުވަތަ މި ދެފަރާތުންވެސް ގޯއްޗެއް ބޭނުންވެގެން ހުށަހަޅާފައިވާތީ، މިދެފަރާތު ދެމެދުގައި ނެގޭ ޢަދުލުވެރި ޤުރުއަތަކުން އެ ބިމުން ގޯއްޗެއް ޙައްޤުވާ ފަރާތަކަށް ގޯތި ދިނުމަކީ އެންމެ ޢަދުލުވެރި އުޞޫލުކަމަށްވާއިރު، ސަޢުދު ޙުސައިންއަށް ގޯއްޗެއް ދިނުމަށް ވިލިނގިލި ކައުންސިލުން ނިންމާފައިވަނީ މިއިން އެއްވެސް އިޖުރާއީ އުޞޫލަކަށް ރިޢާޔަތްކުރުމަކާއި ނުލާކަން ހުށަހެޅިފައިވާ ލިޔުންތަކުންނާއި، ދައުލަތުގެ ބަހުން އެނގެން އޮންނަކަން.
ހުށަހެޅިފައިވާ ލިޔުންތަކަށް ބަލާއިރު، ގއ. އަތޮޅު ހޮސްޕިޓަލް ކުރިމަތީގައި އޮތް ހުސް ބިމުން ސަޢުދު ޙުސައިންއަށް ގޯއްޗެއް ދިނުމަށް ވިލިނގިލި ކައުންސިލްގެ 2015 ވަނަ އަހަރުގެ 42 ވަނަ ޢާއްމު ޖަލްސާ (07 ޖުލައި 2015) އިން ނިންމިއިރު، އެ ބިމުން ގޯއްޗަކަށް އެދި އެންމެ ފުރަތަމަ ހުށަހަޅާފައިވަނީ ޝީޒާ މޫސާކަމާއި، އެއީ 17 މެއި 2015 ގައި ކަމާއި، ސަޢުދު ޙުސައިން އެ ބިމުން ގޯއްޗަކަށް އެދި ހުށަހެޅީ ޝީޒާ މޫސާއަށްވުރެ ފަހުން 25 މެއި 2015 ގައި ކަމާއި، ނަމަވެސް، 07 ޖުލައި 2015 ގައި ވިލިނގިލި ކައުންސިލްގެ 42 ވަނަ ޖަލްސާގައި އެޖެންޑާކުރިއިރު ގޯތި ދިނުމުގެ މުޢާމަލާތުގައި އެޖެންޑާގައި ވާހަކަދެކެވި، ގޯތި ވަކި ފަރާތަކަށް ދިނުމަށް ނިންމާފައިވަނީ އެ ބިމުން ގޯއްޗަކަށް އެދި ހުށަހަޅާފައިވާ ދެފަރާތުގެ މެދުގައި ޢަދުލުވެރި އުޞޫލުން ދެފަރާތުން ހުށަހެޅި ސަބަބުގެ މައްޗަށް ރިޢާޔަތްކޮށްގެން ނޫންކަން.
ހައިކޯޓުން މައްސަލަ ނިންމިގޮތް
ވިލިނގިލީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 216/P2C/2015 ގަޒިއްޔާ އިސްތިއުނާފުކުރުމަށް ސަޢުދު ޙުސައިންގެ ފަރާތުން ހައިކޯޓަށް ހުށަހެޅިއެވެ. އަދި ހައިކޯޓުގެ ނަންބަރު 2018/HC-S-A/25 ގަޒިއްޔާގައި ޙުކުމްކޮށްފައިވަނީ، ވިލިނގިލީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 216/P2C/2015 ގަޒިއްޔާގެ ޙުކުމުގައި އޮތް "... މި ބިމަކީ މީގެ ފަހުންވެސް ރަށުގެ ޢާންމު މަންފާއަކަށް ބޭނުން ކުރުމަށް ބޭއްވޭ ބިމެއް ކަމަށާއި މި ބިން އެއްވެސް ފަރާތަކަށް ދިރިއުޅުމަށް ބަންޑާރަ ގޯއްޗެއްގެ ގޮތުގައި ނުދިނުމަށް ކަމާއިބެހޭ އެންމެހައި ފަރާތްތަކަށް އަންގާ އަމުރުކޮށް..." މި ޢިބާރާތަކީ ޤާނޫނާ ޚިލާފު ޢިބާރާތެއްކަމަށްވާތީ މި ޢިބާރާތް ބާޠިލުކޮށް، އެ ޙުކުމުގެ ދެން އޮތް ބަޔަށް ތާއީދުކޮށެވެ. ހައިކޯޓުން މި ނިންމުމަށް ވާސިލުވީ އަންނަނިވި ސަބބުތަކުގެ މައްޗަށް ބުރަވެއެވެ.
ހުށަހެޅިފައިމިވާ މައްސަލައިގައި ދަށު ކޯޓުން އެ މައްސަލަ ހިނގަމުންދާކަން ސަޢުދު ޙުސައިންގެ ސަމާލުކަމަށް ގެނެސްފައިވާކަމާއި، އެކަމާއި ގުޅިގެން ސަޢުދު ޙުސައިން އަޅަންޖެހޭ ފިޔަވަޅު ނާޅާ ހުރުމުގެ ސަބަބުން ގެއްލުނުކަމަށް ސަޢުދު ޙުސައިން ބަޔާންކުރާ ޙައްޤަށް އިސްތިއުނާފުން ފަރުވާއެއް ދެވެން އޮތްކަމަށް ޤަބޫލުނުކުރެވޭކަން.
މި މައްސަލައިގައި ހުށަހެޅުނު ލިޔުންތަކުން އެނގެން އޮތީ، ވިލިނގިލި ކައުންސިލުން ސަޢުދު ޙުސައިންއަށް މި ގަޒިއްޔާގައި ބަޔާންކުރާ ބިން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯއްޗެއްގެ ގޮތުގައި ދިނުމަށް ނިންމިއިރު، އެ ބިމަކީ ގއ. ވިލިނގިލި ލޭންޑް ޔޫސް ޕްލޭނުގައިވާގޮތުން ވިޔަފާރި އުޞޫލުން ދޫކުރާ ސަރަޙައްދުގައި އޮތް ބިމެއްކަމާއި، އެހެންކަމުން، ވިލިނގިލި ކައުންސިލްގެ 2015 ވަނަ އަހަރުގެ 42 ވަނަ ޖަލްސާއިން ސަޢުދު ޙުސައިންއަށް ބަދަލު ގޯއްޗެއް ދިނުމަށް ނިންމިއިރު، ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނާއި އަދި "ރާއްޖޭގެ ބިނާވެށި ޕްލޭންކުރުމާއި ހިންގުމުގެ ގަވާއިދު" ގައިވާ ގޮތުގެ މަތިން އެކިއެކި ކަންކަމަށް އެކަށައަޅާފައިވާ ބިން އެއްބައިން އަނެއްބަޔަށް ބަދަލު ކުރެވިފައިނުވާކަމާއި، އެހެންކަމުން، ވިލިނގިލި ކައުންސިލްގެ 2015 ވަނަ އަހަރުގެ 42 ވަނަ ޖަލްސާއިން މި ގަޒިއްޔާގައި ބަޔާންކުރާ ގޯއްޗާބެހޭ ގޮތުން ނިންމި ނިންމުމަކީ ސަޢުދު ޙުސައިންގެ ފަރާތުން ޙަވާލާދީފައިވާ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ 23 ވަނަ މާއްދާގެ (ވ) އަދި 24 ވަނަ މާއްދާގެ (ފ) ގައިވާ ގޮތަށް ނިންމި ނިންމުމަކަށް ނުވާކަމާއި، އަދި އެއީ ބިމާބެހޭ ޤާނޫނުގެ 7 ވަނަ މާއްދާއާ އެއްގޮތް ނިންމުމެއްވެސް ނޫންކަން.
ވިލިނގިލި ކައުންސިލްގެ 2015 ވަނަ އަހަރުގެ 42 ވަނަ ޖަލްސާއިން މި ގަޒިއްޔާގައި ބަޔާންކުރާ ގޯއްޗާ ގުޅޭގޮތުން ނިންމި ނިންމުމަކީ ޤާނޫނާ އެއްގޮތަށް ނިންމާފައިވާ ނިންމުމެއް ނޫންކަން އެނގޭތީ، ވިލިނގިލި ކައުންސިލުން މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއަށް ފޮނުވި ސިޓީގައި ބަޔާންކުރާ ވާހަކަތައް ޤާނޫނުގެ މައްޗަށް ބިނާވެގެން ނުދާކަމާއި، މީގެ އިތުރުން، އެ މިނިސްޓްރީއިން ފޮނުވި ސިޓީއަށް ނަޒަރުކުރާއިރުވެސް އެބިމުން ގޯއްޗެއް ދިނުމަށްފަހު ބާކީ އޮތް ބިން ކުރިންވެސް ކަނޑައެޅިފައިވާ ގޮތަށް ވިޔަފާރީގެ ބޭނުންތަކަށް ޚާއްޞަކުރެވިފައިވާކަމަށް ބުނެފައިވާ ބުނުމުން، އެ ސަރަޙައްދަކީ ބިމާބެހޭ ޤާނޫނުތަކުގައި ވާގޮތަށް ކެޓަގަރީ ނުވަތަ ޒޯން ބަދަލުކުރި ކުރުމެއްކަމަށް ބެލެވެން ނެތްކަމާއި، އެއާ ޚިލާފަށް ބުރަވެވެން އޮތީ، މިއީ ހަމައެކަނި ވަކި ފަރުދަކަށް ވަކި ތަނަކުން ގޯއްޗެއް ލިބިދިނުމަށްޓަކައި ކޮށްފައިވާކަމެއްކަން.
ހުށަހެޅިފައިވާ މި މައްސަލައަކީ ސަޢުދު ޙުސައިންއަށް ލިބިދިން ގޯއްޗެއް އޭނާގެ ކިބައިން ނިގުޅައިގަތް މައްސަލައެއް ނޫންކަމާއި، ނަމަވެސް، މި މައްސަލައިގެ މައުލޫއު ބިނާވެފައިވަނީ ސަޢުދު ޙުސައިންއަށް ވިލިނގިލި ވިޔަފާރި ސަރަޙައްދުގެ ގޮތުގައި ކަނޑައަޅާފައިވާ ބިމަކުން ގޯއްޗެއް ދޫކުރިކުރުމުގެ ޤާނޫނީ ޞައްޙަކަމުގެ މައްޗަށްކަމާއި، އެހެންކަމުން، މި ގަޒިއްޔާގައި ޤާނޫނުއަސާސީގެ 40 ވަނަ މާއްދާއާ ޙަވާލާދީ ސަޢުދު ޙުސައިންގެ ފަރާތުން ދައްކާފައިވާ ވާހަކަތަކަކީ މި މައްސަލައިގެ މައްޗަށް ހިންގޭނެ ވާހަކަތަކެއް ނޫންކަން.
ޝީޒާ މޫސާއަށް ދޫކުރި ގޯތީގެ ބަދަލުގައި ގއ. އަތޮޅު ހޮސްޕިޓަލްގެ ކުރިމަތިން އޮތް ހުސްބިމުން ޝީޒާ މޫސާއަށް ގޯއްޗެއް ދިނުމަށް އެދިފައިއޮތްއިރު، އެކަމަށް ފަރުވާއެއްނުދީ، އޭގެފަހުން ސަޢުދު ޙުސައިންއަށް ދޫކުރި ގޯތީގެ ބަދަލުގައި އެ ސަރަޙައްދުން ސަޢުދު ޙުސައިންއަށް ގޯތި ލިބިދިނުމަށްޓަކައި ލޭންޑް ޔޫސް ޕްލޭން ބަދަލުނުކޮށް ވިލިނގިލި ކައުންސިލްގެ ނިންމުމަކުން ސަޢުދު ޙުސައިންއަށް އެ ސަރަޙައްދުން ގޯތި ދިނުމުގައި ޤާނޫނީ ހުރަހެއް ނެތްކަމަށް ނިންމައި، އެ ނިންމުމާ އެއްގޮތަށް އެކަން ތަންފީޒުކުރުމުގެ ގޮތުން ލޭންޑް ޔޫސް ޕްލޭން ފަހުން ބަދަލުކުރިކަމާއި، މިއީ ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 17 ވަނަ މާއްދާގެ (ހ) އާ ޚިލާފު ތަފާތުކުރުމެއްކަން.
ވިލިނގިލި މެޖިސްޓްރޭޓް ކޯޓުގައި ހިނގަމުންދިޔަ ވަކި މައްސަލައަކާ ގުޅުވައިގެން ސުޕްރީމް ކޯޓުން ނެރެފައިވާ ނަންބަރު 2015/SC-SJ/16 އަމުރުގެ ބާރު ވިލިނގިލި މެޖިސްޓްރޭޓް ކޯޓުން ކުރިއަށް ގެންދިޔަ އެހެން މައްސަލައެއްގެ މައްޗަށް، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގައި ކަނޑައެޅި ބަޔާންކުރެވިފައިވާ ނައްޞުތަކާ ޚިލާފަށް ހިންގިދާނެކަމަށް ނުފެންނަކަމާއި، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 3 ވަނަ މާއްދާއާއި، 4 ވަނަ މާއްދާގެ (ށ) އާއި، ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ހ) އާއި، (ށ) އާ ޙަވާލާދީ، ސަޢުދު ޙުސައިންގެ ފަރާތުން ދެއްކި މައިގަނޑު ވާހަކައަކީ ސުޕްރީމް ކޯޓުގެ ބުނެވުނު އަމުރުގެ ވާހަކަކަމަށްވާތީ އެއީ މި ގަޒިއްޔާއާ ގުޅޭ ވާހަކަތަކެއްކަމަށް ނުވާކަން.
ވިލިނގިލި މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 216/P2C/2015 ގަޒިއްޔާގެ ޙުކުމުގައި "... މި ބިމަކީ މީގެ ފަހުންވެސް ރަށުގެ ޢާންމު މަންފާއަކަށް ބޭނުން ކުރުމަށް ބޭއްވޭ ބިމެއް ކަމަށާއި މި ބިން އެއްވެސް ފަރާތަކަށް ދިރިއުޅުމަށް ބަންޑާރަ ގޯއްޗެއްގެ ގޮތުގައި ނުދިނުމަށް ކަމާއިބެހޭ އެންމެހައި ފަރާތްތަކަށް އަންގާ އަމުރުކޮށް..." މިހެން އޮތް ޢިބާރާތަކީ ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނުގެ 3 ވަނަ މާއްދާއާ ފުށުއަރާ ޢިބާރާތެއްކަމަށްވާތީ، އެ ޢިބާރާތް ބަދަލުކުރަންޖެހޭކަން.
ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރެވުނު ނުކުތާތައް
ހައިކޯޓުގެ ނަންބަރު 2018/HC-S-A/25 ގަޒިއްޔާ ނިންމާފައިވަނީ ޤާނޫނީ އުޞޫލުތަކާ އެއްގޮތަށްނޫންކަމަށް ބުނެ ސަޢުދު ޙުސައިންގެ ފަރާތުން އެ ގަޒިއްޔާ އިސްތިއުނާފުކުރުމަށް ސުޕްރީމް ކޯޓަށް ހުށަހެޅިއެވެ. އަދި ސުޕްރީމް ކޯޓުގައި އަންނަނިވި 4 (ހަތަރެއް) ނުކުތާއާމެދު ސަޢުދު ޙުސައިންގެ ފަރާތުން ވާހަކަދައްކާފައިވެއެވެ.
ހައިކޯޓުން ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ހ) އާއި (ށ) މި މައްސަލައަށް ތަޠްބީޤުކޮށް މާނަކޮށްފައިވަނީ ޠަބަޢީ ޤާނޫނަކުން ލިބިދީފައިވާ ޙައްޤާއި ކޯޓަށް މީހުން ހާޒިރުކުރުމުގައި ޢަމަލުކުރާނެގޮތުގެ ގަވާއިދުގެ 2 ވަނަ މާއްދާއާއި، 4 ވަނަ މާއްދާއާއި، ކޯޓުތަކުން ޢަމަލުކުރަމުން އަންނަ ޢާންމު އުޞޫލާ ޚިލާފަށްކަމަށް ބުނެ ހުށަހެޅި ނުކުތާ.
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ 21 ވަނަ މާއްދާއާއި، 22 ވަނަ މާއްދާއާއި، 23 ވަނަ މާއްދާގެ (ހ)، (ވ) އަދި 24 ވަނަ މާއްދާގެ (ފ) އާ ތަޢާރުޒުވާގޮތަށް ނިންމާފައިވާ މައްސަލައެއްކަމަށް ބުނެ ހުށަހެޅި ނުކުތާގައި ވިލިނގިލި ކައުންސިލްގެ 2015 ވަނަ އަހަރުގެ 42 ވަނަ ޖަލްސާއިން ނިންމި ނިންމުން މާނަކޮށް ތަރުޖަމާކޮށްފައިވަނީ ބުނެވުނު ޤާނޫނީ މާއްދާތަކާ ތަޢާރުޒުވާގޮތަށްކަމަށް ބުނެ ހުށަހެޅި ނުކުތާ.
ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 40 ވަނަ މާއްދާ މި މައްސަލައަށް ތަޠްބީޤުކޮށްފައިވަނީ އެ މާއްދާގެ އަސާސީ ސިފަތަކާއި އެ މާއްދާގެ ރޫޙާ އެއްގޮތްވާގޮތުގެ މަތިން ނޫންކަމަށް ބުނެ ހުށަހެޅި ނުކުތާ.
ސުޕްރީމް ކޯޓުގެ ނަންބަރު 2015/SC-SJ/16 ކޯޓު އަމުރަށް ތަޙައްދީކޮށް، ޤާނޫނުއަސާސީގެ 142 ވަނަ މާއްދާގެ (ރ) އާއި، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 3 ވަނަ މާއްދާއާއި، 4 ވަނަ މާއްދާގެ (ށ) އާއި، ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ހ) އާއި (ށ) މި މައްސަލައިގެ ތެރެއަށް ތަޠުބީޤުކޮށް މާނަކޮށްފައިވަނީ އެ މާއްދާތަކުގެ އަޙްކާމްތަކާ ޚިލާފަށްކަމަށް ބުނެ ހުށަހެޅި ނުކުތާ.
ދަށު ކޯޓުން ބަސްބުނުމުގެ ފުރުޞަތު ދީފައިނުވުން
ހައިކޯޓުން ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ހ) އާއި (ށ) މި މައްސަލައަށް ތަޠްބީޤުކޮށް މާނަކޮށްފައިވަނީ ޠަބަޢީ ޤާނޫނަކުން ލިބިދީފައިވާ ޙައްޤާއި ކޯޓަށް މީހުން ހާޒިރުކުރުމުގައި ޢަމަލުކުރާނެގޮތުގެ ގަވާއިދުގެ 2 ވަނަ މާއްދާއާއި، 3 ވަނަ މާއްދާއާއި، 4 ވަނަ މާއްދާއާއި، ކޯޓުތަކުން ޢަމަލުކުރަމުން އަންނަ ޢާންމު އުޞޫލާ ޚިލާފަށްކަމަށް ސަޢުދު ޙުސައިންގެ ފަރާތުން ސުޕްރީމް ކޯޓުގައި ބުނެފައިވެއެވެ.
މި ނުކުތާގެ ތަފުސީލުގައި ބުނެފައިވަނީ ވިލިނގިލީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 216/P2C/2015 ގަޒިއްޔާގައި ބަސްބުނުމުގެ ފުރުޞަތު ސަޢުދު ޙުސައިންއަށް ދީފައި ނުވާކަމަށާއި، ސަޢުދު ޙުސައިންއަށް މައްސަލައަށް ތަދައްޚުލްވުމަށް ފޮނުވާފައިވާކަމަށް ބުނާ ސިޓީ ލިބިފައި ނުވާކަމަށާއި، އެ ސިޓީއާ ޙަވާލުނުވީ ކާކުތޯއާއި، އެމީހަކާއި ސަޢުދު ޙުސައިންއާ އޮތް ގުޅުމެއްވެސް ހައިކޯޓުން ބަލާފައިނުވާކަމަށެވެ.
ދަށު ކޯޓުން މައްސަލަ ބެލިއިރު ބަސްބުނުމުގެ ފުރުޞަތުދީފައި ނުވާކަމަށް ބުނެ ހުށަހެޅި މި ނުކުތާއަކީ ސަޢުދު ޙުސައިންގެ ފަރާތުން ހައިކޯޓުގައިވެސް ފާހަގަކޮށްފައިވާ ނުކުތާއެކެވެ. މި ނުކުތާއާ ގުޅިގެން ހައިކޯޓުގެ ރިޕޯޓުގައި ބުނެފައިވަނީ މައްސަލައަށް ތަދައްޚުލްވުމުގެ ފުރުޞަތު އޮތްކަން އަންގައި ވިލިނގިލީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު P2C-B/MIS/2017/7 (16 އޯގަސްޓް 2017( ސިޓީ ސަޢުދު ޙުސައިންއަށް ފޮނުވާފައިވާކަމަށާއި، އެ ސިޓީގައި "ސިޓީ ހިފައިގެން ގއ. ވިލިނގިލި، އަޅިވިލާގެއަށް ދިއުމުން ސިޓީއާ ޙަވާލު ނުވާނެކަމަށް އަނބުރާ ފޮނުވާލާފައި، 16.08.2017" މިހެން ބަޔާންކޮށް ސިޓީ ހިފައިގެން ދިޔަ ފަރާތުން ސޮއިކޮށްފައިވާކަމަށެވެ. އެހެންކަމުން، މި މައްސަލަ ހިނގަމުންދާކަން ސަޢުދު ޙުސައިންގެ ސަމާލުކަމަށް ގެނެސްފައިވާއިރު، އެކަމާ ގުޅިގެން ސަޢުދު ޙުސައިންގެ ފަރާތުން އަޅަންޖެހޭ ފިޔަވަޅެއް ނާޅާ ހުރުމުގެ ސަބަބުން ގެއްލުނުކަމަށް ސަޢުދު ޙުސައިން ބުނާ ޙައްޤަށް އިސްތިއުނާފުން ފަރުވާއެއް ދެވެން އޮތްކަމަށް ޤަބޫލު ނުކުރާކަމަށެވެ.
ކޯޓަށް މީހުން ހާޒިރުކުރުމުގައި ޢަމަލުކުރާނެ ގޮތުގެ ގަވާއިދުގެ 2 ވަނަ މާއްދާގައި ވަނީ ކޯޓަށް ހާޒިރުވުމަށް އަންގައި ފޮނުވާ އަމުރެއްގައި ހުރުން ލާޒިމު ޝަރުތުތަކުގެ ވާހަކައެވެ. އަދި އެ ގަވާއިދުގެ 3 ވަނަ މާއްދާއާއި 4 ވަނަ މާއްދާގައި ބަޔާންކުރަނީ ކޯޓަށް ހާޒިރުވުމަށް އަންގައި ފޮނުވާ އަމުރުގައިވާ ގަޑިއަށް ކޯޓަށް ހާޒިރުނުވެއްޖެނަމަ ދެން ޢަމަލުކުރާނެ ގޮތުގެ ވާހަކައެވެ.
މި މައްސަލައަށް ބަލާއިރު، ވިލިނގިލީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 216/P2C/2015 ގަޒިއްޔާގައި ހުށަހެޅުނު ދަޢުވާއަކީ، ޝީޒާ މޫސާއަށް ދޫކޮށްފައިވާ ގޯތި ދައުލަތުގެ ބޭނުމަކަށް ނަގާފައިވާތީ، އެ ގޯތީގެ ބަދަލުގައި ގއ. އަތޮޅު ހޮސްޕިޓަލް ކުރިމަތީގައި އޮތް ހުސް ބިމުން ގޯއްޗަކަށް އެދިފައިވަނިކޮށް، ޝީޒާ މޫސާއަށް ގޯތި ނުދީ ސަޢުދު ޙުސައިންއަށް ގޯތި ދީފައިވާކަމަށް ބުނެ ވިލިނގިލި ކައުންސިލަށް ރައްދުވާގޮތަށް ޝީޒާ މޫސާ ހުށަހެޅި ދަޢުވާއެކެވެ. މި މައްސަލަ ރައްދުވި ފަރާތެއްގެ ގޮތުގައި ދަށު ކޯޓުގައި ސަޢުދު ޙުސައިން ހިމެނިފައި ނުވެއެވެ. ނަމަވެސް، މި މައްސަލައިގައި ސަޢުދު ޙުސައިންގެ މަޞްލަޙަތެއް އޮތްކަމަށް ކޯޓަށް ޤަބޫލުކުރެވޭތީ ވިލިނގިލީ މެޖިސްޓްރޭޓް ކޯޓުން ސަޢުދު ޙުސައިންއަށް މި މައްސަލައަށް ތަދައްޚުލުވުމުގެ ފުރުސަތުދީ، 16 އޮގަސްޓް 2017 ގައި ސިޓީ ފޮނުވާފައިވެއެވެ. ހަމަ އެ ދުވަހު ސިޓީ ހިފައިގެން ގއ. ވިލިނގިލި، އަޅިވިލާގެއަށް ދިއުމުން ސިޓީއާ ޙަވާލު ނުވާނެކަމަށް ބުނެ އަނބުރާ ފޮނުވާލާފައިވާކަމަށް އެ ސިޓީގައި ނޯޓު ކުރެވިފައިއޮވެއެވެ.
މި މައްސަލައިގައި ހުށަހެޅުނު ލިޔުންތަކުން ސަޢުދު ޙުސައިންއާ ސިޓީ ޙަވާލުކުރަން ދިޔުމުން ސިޓީއާ ޙަވާލުނުވި ފަރާތެއް އަދި އެފަރާތާއި ސަޢުދު ޙުސައިންއާ އޮތް ގުޅުމެއް އެނގޭކަށްނެތެވެ. އެހެންނަމަވެސް ސިޓީ ހަވާލުކުރުމަށް ގޮސްފައިވަނީ ސަޢުދު ޙުސައިންގެ ދާއިމީ އެޑްރެހަށްކަން އެނގެއެވެ.
ކޯޓުގައި ހިނގަމުންދާ މައްސަލައަކާ ގުޅިގެން މައްސަލައިގައި އެހެން ފަރާތެއްގެ މަސްލަޙަތު އޮތްކަމަށް ކޯޓަށް ޤަބޫލުކުރެވޭނަމަ އާންމު އުޞޫލެއްގެ ގޮތުން ޢަމަލުކުރާ ގޮތަކީ އެފަރާތަކަށް ތަދައްޚުލްވުމުގެ ފުރުޞަތު ދީގެން މައްސަލަ ބަލައި ކުރިއަށް ދިއުމެވެ. އެ ގޮތުން، ތަދައްޙުލްވުމަށް ފުރުޞަތު އޮތްކަން އިދާރީގޮތުން އެފަރާތަކަށް އެންގުމުން، ތަދައްޚުލްވާން ހުށަހަޅައިފިނަމަ އެ ފަރާތަށްވެސް ޝަރީޢަތުގެ އަޑުއެހުންތަކަށް ހާޒިރުވުމަށް ކޯޓު އަމުރު ފޮނުވައިގެން މައްސަލައިގެ އަޑުއެހުންތައް ބާއްވައި ކުރިއަށް ގެންދެއެވެ. މައްސަލަ ބަލައިގަނެ ހިންގުމުގައި މައްސަލައިގެ ޚަޞްމުންނާއި މައްސަލައަށް ތަދައްޚުލްވާ ފަރާތްތަކާމެދު އިޖުރާއީގޮތުން ޢަމަލުކުރުމުގައި ތަފާތުތަކެއް ހުރެއެވެ. އެއް ކަމަކީ، މައްސަލައަށް ތަދައްޚުލްވާ ފަރާތެއް މައްސަލައިގެ ޚަޞްމެއްގެ ގޮތުގައި ބަލައި ކޯޓަށް ހާޒިރުވުމަށް އެ އޮންނަ އިޖުރާއަތެއްގެ ދަށުން ޢަމަލުކުރަނީ އެ ފަރާތަކުން ތަދައްޚުލްވުމަށް އެދި ކޯޓަށް ހުށަހެޅުމުންނެވެ.
މި މައްސަލައިގައި ވިލިނގިލި މެޖިސްޓްރޭޓް ކޯޓުން ސަޢުދު ޙުސައިންއަށް ކޯޓަށް ހާޒިރުވުމުގެ އަމުރު ފޮނުވާފައިނުވަނީ މައްސަލައަށް ތަދައްޚުލްވުމަށް ސަޢުދު ޙުސައިންގެ ފަރާތުން ހުށަހަޅާފައިނުވާތީކަމަށް ޤަބޫލުކުރެވެއެވެ. އެހެންކަމުން، މި ހާލަތުގައި ކޯޓަށް މީހުން ހާޒިރުކުރުމުގައި ޢަމަލުކުރާނެގޮތުގެ ގަވާއިދުގެ 2 ވަނަ މާއްދާއާއި، 3 ވަނަ މާއްދާއާއި 4 ވަނަ މާއްދާއާ ޚިލާފަށް ވިލިނގިލި މެޖިސްޓްރޭޓް ކޯޓުން ޢަމަލުކޮށްފައިވާކަމަށް ބެލުމުގެ ފުރުސަތު ނެތެވެ.
ވިލިނގިލި މެޖިސްޓްރޭޓް ކޯޓުން މި މައްސަލައިގައި ޝަރީޢަތްކޮށްފައިވަނީ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާއާ އެއްގޮތްވާ ގޮތުގެ މަތިންތޯ ބަލާއިރު، ޝީޒާ މޫސާ ދަށު ކޯޓަށް ހުށަހެޅި މުޅި ދަޢުވާ ބިނާވަނީ ވިލިނގިލި ހޮސްޕިޓަލް ކުރިމަތީގައި އޮތް ހުސްބިމުން ގޯއްޗެއް ހޯދުމަށް ޝީޒާ މޫސާ އެދިފައިވަނިކޮށް، އޭގެ ފަހުން އެތަނުން ގޯއްޗެއް ހޯދުމަށް އެދުނު ސަޢުދު ޙުސައިންއަށް އެތަނުން ގޯތި ދޫކޮށްފައިވާތީ، ވިލިނގިލި ކައުންސިލްގެ އެ ނިންމުން ބާޠިލުކުރުމާއެކު، އެތަނުން ގޯއްޗެއް ޝީޒާ މޫސާއަށް ހަމަޖައްސައިދިނުމަށެވެ.
މި މައްސަލައިގައި ދަޢުވާ ރައްދުވި ފަރާތަކީ ވިލިނގިލި ކައުންސިލް ކަމުގައި ވީނަމަވެސް، ޝީޒާ މޫސާ އެދިފައިވާ ގޮތަށް މައްސަލަ ނިމިގެން ދިޔުމުގެ ނަތީޖާއަކީ ސަޢުދު ޙުސައިންއަށް ގޯއްޗެއް ލިބިފައިވާނަމަ، ސަޢުދު ޙުސައިންގެ ކިބައިން އޭނާގެ މުދަލެއް ބީވެގެން ދިޔުމެވެ. ވިލިނގިލީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 216/P2C/2015 ގަޒިއްޔާގައި މައްސަލަ ހިނގަމުން ދިޔައިރު، މައްސަލަ ބެލި ފަނޑިޔާރަށްވެސް މިކަން ފާހަގަވެގެން ސަޢުދު ޙުސައިން ތަދައްޚުލުވާން ބޭނުންނަމަ އެ ފުރުސަތު އޭނާއަށް އޮތްކަން އެންގުމަށް މަސައްކަތްކޮށްފައިވާކަން އެނގެއެވެ.
ކަންމިހެން އޮތްއިރު، ވިލިނގިލީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 216/P2C/2015 ގަޒިއްޔާގައި 22 އޯގަސްޓް 2016 ގައި ވިލިނގިލި ކައުންސިލްގެ އެސިސްޓެންޓް ޑިރެކްޓަރ، އިބްރާހީމް ހާޝިމް ދިން ބަޔާނަށް ބަލާއިރު، ހޮސްޕިޓަލުގެ ކުރިމަތީގައި އޮތް ހުސްބިމުން އެހެން ފަރާތަކަށް ގޯއްޗެއް ދޫކޮށްފައިވާކަމަށް ޝީޒާ މޫސާގެ ފަރާތުން ބުނިނަމަވެސް، އަދި އެ ބިމުން މިހާތަނަށް އެ ފަރާތަށް (ސަޢުދު ޙުސައިންއަށް) ގޯއްޗެއް ދޫކޮށްފައި ނުވާކަމަށް ބުނެފައިވާކަން ފާހަގަކުރެވެއެވެ. މި ބަޔާންދިން ތާރީޚަކީ ޝީޒާ މޫސާގެ ފަރާތުން މި ގަޒިއްޔާގައި ދަޢުވާ އުފުލި ތާރީޚު ކަމުގައިވާ 1 ނޮވެންބަރު 2015 ގެ ގާތްގަނޑަކަށް 9 ވަރަކަށް މަސް ފަހުގެ ތާރީޚެކެވެ.
ނަމަވެސް 23 މާރޗް 2017 ގައި އިބްރާހީމް ހާޝިމް ޝަރީޢަތަށް ދިން ބަޔާނުގައި 5 އޮކްޓޯބަރު 2016 ގައި އަތޮޅު ހޮސްޕިޓަލް ކުރިމަތިން އޮތް ހުސްބިމުން ގޯއްޗެއް ސަޢުދު ޙުސައިންއަށް ކަނޑައިދީފައިވާކަމަށް ބުނެފައިވެއެވެ.
ވުމާއެކު، ސަޢުދު ޙުސައިންއަށް ގޯއްޗެއް ކަނޑައިދީފައިވަނީ ޝީޒާ މޫސާގެ ފަރާތުން މި ދަޢުވާ ދަށު ކޯޓުގައި އުފުލިތާ 11 މަސް ފަހުންނެވެ. އެހެންކަމުން، ދަޢުވާ އުފުލި، ޝަރީޢަތުގެ އެތައް އަޑުއެހުމެއް ބޭއްވުނުއިރު ސަޢުދު ޙުސައިންގެ މުދަލުގެ ޙައްޤެއް އުފަންވެފައިވާކަމަށް ބެލެވޭކަށްނެތެވެ. ވިލިނގިލީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 216/P2C/2015 ގަޒިއްޔާގެ ދަޢުވާ އުފުލި، ޝަރީޢަތްތައް ހިނގަމުން ދިޔައިރު، އެ ބިމަކީ ވިލިނގިލި ކައުންސިލްގެ ދަށުގައި އޮތް ބިމެއް ކަމުގައިވާއިރު، އަދި އެ ބިން ވަކި ފަރާތަކަށް ދޫކުރުމުގެ ނިޔަތް ކައުންސިލުން ގެންގުޅުނުކަން ލިޔެކިޔުންތަކުން އެނގެން އޮތްއިރު، ޚުސޫމާތް އުފެދިފައިވާ ބިމެއްގެ މައްސަލައިގައި ޝަރީޢަތުން ގޮތެއް ކަނޑައެޅުމުގެ ކުރިން، އެ ބިން ސަޢުދު ޙުސައިންއަށް ވިލިނގިލި ކައުންސިލުން ދޫކޮށްފައިވުމުން، މި މައްސަލައިގެ ޝަރީޢަތްތައް ހިނގާފައިވަނީ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާއާ ޚިލާފަށްކަމަށް ބެލުމުގެ ފުރުސަތެއް އޮތްކަމުގައި އަހުރެން ނުދެކެމެވެ. އެހެނީ، މައްސަލަ ޝަރީޢަތަށް ހުށަހެޅި ހިނގަމުން ދިޔައިރު، ސަޢުދު ޙުސައިންއަށް އެ ގޯތި ދޫކޮށްފައިނުވުމުންނެވެ. އެ ގޯތި ދޫކޮށްފައިވަނީ ޝަރީޢަތަށް މައްސަލަ ހުށަހެޅުނުތާ ގާތްގަނޑަކަށް އަހަރަކާ ގާތްވެފައިވަނިކޮށެވެ.
އެހެންކަމުން، ހައިކޯޓުން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ހ) އާއި (ށ) މާނަކޮށްފައިވަނީ ކޯޓަށް މީހުން ހާޒިރުކުރުމުގައި ޢަމަލުކުރާނެ ގޮތުގެ ގަވާއިދުގެ 2، 3 އަދި 4 ވަނަ މާއްދާއަށް ރިޢާޔަތްކުރުމަކާ ނުލައި، އެ މާއްދާތަކާ ޚިލާފަށްކަމަށް ބަލާނެ ތަނެއް ނެތެވެ.
ކައުންސިލްގެ ނިންމުން ޤާނޫނާ ތަޢާރުޒުވާކަން ނުވަތަ ނޫންކަން
އިސްތިއުނާފީ ދެވަނަ ނުކުތާގައި ސަޢުދު ޙުސައިންގެ ފަރާތުން ބުނެފައިވަނީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ 21 ވަނަ މާއްދާއާއި، 22 ވަނަ މާއްދާއާއި، 23 ވަނަ މާއްދާގެ (ހ)، (ވ) އަދި 24 ވަނަ މާއްދާގެ (ފ) އާ ތައާރުޒުވާގޮތަށް ގއ. ވިލިނގިލި ކައުންސިލްގެ 2015 ވަނަ އަހަރުގެ 42 ވަނަ ޖަލްސާއިން ނިންމާފައިވާ ނިންމުން ހައިކޯޓުން މާނަކޮށް ތަރުޖަމާކޮށްފައިވާކަމަށެވެ.
މި ނުކުތާގެ ތަފުޞީލުގައި ބުނެފައިވަނީ ވިލިނގިލި ކައުންސިލުން ފާސްކޮށްފައިވަނީ އެ ރަށުގެ ލޭންޑް ޔޫސް ޕްލޭނަށް ބަދަލު ގެނެސް ގޯތި ދިނުމަށްކަމަށާއި، ވިލިގިނލި ކައުންސިލުން މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ނަންބަރު 138-PSI/407/2015/21 ސިޓީން ނިންމާފައިވާ ނިންމުމާ ތަޢާރުޒުވާ ކަމެއް ކޮށްފައިނުވާކަމަށާއި، އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ނަންބަރު123-B/407/2016/4 (04 އޮކްޓޯބަރ 2016) ސިޓީއިން އެ ގޯތި ކައުންސިލުން ނިންމާފައިވާގޮތަށް ދޫކުރުން އެންމެ ރަނގަޅުކަމުގައި ބުނެފައިވުމުން، އެކަމުގައި ޤާނޫނާ ޚިލާފުކަމެއް ނެތްކަމަށް ނިންމާފައިވާއިރު، އެ ނިންމުމާ ތައާރުޒުވާގޮތަށް ގޮތް ނިންމުމަކީ ކައުންސިލްގެ ޤާނޫނީ މަސައްކަތް ކުރިއަށް ގެންދިއުމަށް އެޅިގެންދާ ހުރަހެއް ކަމަށެވެ. އަދި ޝީޒާ މޫސާގެ ފަރާތުން މި މައްސަލަ ވިލިނގިލި މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅިއިރު ސަޢުދު ޙުސައިންއަށް ގޯތި ދޫކޮށްފައިނުވާކަމަށެވެ.
މި ނުކުތާއަކީވެސް ސަޢުދު ޙުސައިންގެ ފަރާތުން ހައިކޯޓަށް ހުށަހަޅާފައިވާ ނުކުތާއެކެވެ. މި ނުކުތާ އާ ގުޅިގެން ހައިކޯޓުގެ ރިޕޯޓުގައި ބުނެފައިވަނީ ކައުންސިލަށް ބިމާބެހޭ ގޮތުން ގޮތް ނިންމޭނީ ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނާ އެއްގޮތްވާގޮތުގެ މަތިން އަދި ރަށުގެ ލޭންޑް ޔޫސް ޕްލޭނާ ތައާރުޒުނުވާ ގޮތުގެމަތިން ކަމަށާއި، ސަޢުދު ޙުސައިންއަށް މި މައްސަލައިގައި ބަޔާންކުރާ ބިން ބަންޑާރަ ގޯއްޗެއްގެ ގޮތުގައި ދިނުމަށް ނިންމިއިރު، އެ ބިމަކީ ރަށުގެ ލޭންޑް ޔޫސް ޕްލޭނުގައިވާ ގޮތުން ވިޔަފާރި އުޞޫލުން ދޫކުރާ ސަރަޙައްދުގައި އޮތް ބިމެއްކަމަށާއި، ވުމާއެކު، ކައުންސިލްގެ އެ ނިންމުމަކީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ 23 ވަނަ މާއްދާގެ (ވ) އަދި 24 ވަނަ މާއްދާގެ (ފ) ގައިވާ ގޮތަށް ނިންމާފައިވާ ނިންމުމެއްކަމަށްނުވާ ކަމަށާއި، އަދި ބިމާބެހޭ ޤާނޫނުގެ 7 ވަނަ މާއްދާއާ އެއްގޮތަށް ނިންމާފައިވާ ނިންމުމެއްކަމުގައިވެސް ނުވާކަމަށެވެ.
އަދި ވިލިނގިލި ކައުންސިލުގެ 2015 ވަނަ އަހަރުގެ 42 ވަނަ ޖަލްސާގައި ސަޢުދު ޙުސައިންއަށް ގޯއްޗެއް ދިނުމާގުޅޭ ގޮތުން ނިންމާފައިވަނީ ޤާނޫނާ އެއްގޮތަށްކަމުގައި ނުވާތީ، ކައުންސިލުން އެއިރުގެ މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއަށް ފޮނުވި ސިޓީގައި ބަޔާންކުރާ ވާހަކަތައް ޤާނޫނުގެ މައްޗަށް ބިނާވެގެން ނުދާކަމަށާއި، އެންޓި-ކޮރަޕްޝަން ކޮމިޝަނުން ގޯތި ދޫކުރަން އެންގި އެންގުމަކީ ވިލިނގިލި ކައުންސިލްގެ 2015 ވަނަ އަހަރުގެ 42 ވަނަ ޖަލްސާގައި މި ގޯއްޗާ ބެހޭގޮތުން ނިންމި ނިންމުން ޤާނޫނުގެ އިމުގެ ތެރެއަށް ވަދެގެންދާނެ ސަބަބެއް ނޫންކަމަށެވެ.
ވިލިނގިލި ކައުންސިލްގެ 2015 ވަނަ އަހަރުގެ 42 ވަނަ އާއްމު ޖަލްސާއިން ނިންމި ނިންމުމަށް (07 ޖުލައި 2015) ބަލާއިރު، އެޖެންޑާ އައިޓަމް 5.2 ގައި ވަނީ ބިންބިމާބެހޭ ކޮމިޓީން ހުށަހަޅާފައިވާ ސަޢުދު ޙުސައިންއަށް ގއ. ވިލިނގިލިން ކުރިން އޭނާއަށް ލިބިފައިވާ ގޯތީގެ ބަދަލުގައި ސަވާގޭގެ އިރުމަތިން އޮތް ހުސްބިމުން ގޯއްޗަކަށް އެދި ފޮނުވި ސިޓީއާ ބެހޭގޮތުން ހުށަހަޅާފައިވާ ރިޕޯޓު ފާސްކުރުމެވެ. މި ރިޕޯޓާމެދު މެންބަރުންގެ މެދުގައި މަޝްވަރާކުރެވުނެވެ. އަދި ނިންމާފައިވާގޮތް ތިރީގައި އެވަނީއެވެ.
"...ސަޢުދު ހުސައިން ގއ. ވިލިނގިލިން ކުރިން އޭނައަށް ލިބިފައިވާ ގޯތި ނަރުދަމާ ނިޒާމުގެ މެއިން ޕަމްޕްސްޓޭޝަން ބެހެއްޓުމަށް ނެގުމާއި ގުޅިގެން ބަދަލުގައި ގޯއްޗެއް މިއަދާ ހަމައަށްވެސް ދެއްވާފައެއް ނުވާއިރު ތަކުރާރުކޮށް އޭނާގެ ގޯތި ބަދަލުގައި ގޯއްޗަކަށް އެދި މި އިދާރާއަށް ސިޓީ ފޮނުވުމާ ގުޅިގެން ސަޢުދު ޙުސައިން އެދިލައްވާފައިވާ ސަވާ ގޯތީގެ އިރުމަތީފަރާތުން އޮތް ހުސް ބިމުން ޖާގަ ލިބޭނަމަ އެތަނުން ގޯއްޗެއް ދިނުމަކީ ފެންނަ ކަމެއްކަމަށް ފާހަގަކޮށްފައިވެއެވެ. ސަބަބަކީ އެދިލައްވާފައިވާ ސަވާ ގޯތީގެ އިރުމަތީ ފަރާތުން އޮތް ހުސް ބިން އެކި ދުވަސްވަރު މަތިން އެކިއެކި ބޭނުންތަކަށް ބިން ދިނުމަށް އިޢުލާން ކުރެވިފައި ވީނަމަވެސް، މިއަދާ ހަމައަށް މި ދެންނެވި ބިން އެކިއެކި ސަބަބުތަކާ ހުރެ ދެވޭގޮތް ނުވެފައިވާތީ އާއެކު، އަޅިވިލާގެ ސަޢުދު ޙުސައިންއަށް ކުރިން ދީފައިވާ ގޯތީގެ ބަދަލުގައި ސަޢުދު ޙުސައިންއަށް ގޯއްޗެއް ބޭނުންވެގެން އެދިފައިވާ ސަރަޙައްދުން ގޯއްޗެއް ދިނުމަކީ ޤާނޫނީ ގޮތުން އެއްވެސް ހުރަހެއް އޮތްކަމަކަށް ނުވާތީ، ސަވާގެ އިރުމަތިން އޮތް ހުސްބިމުން ގޯއްޗެއް ދިނުމާއި ދޭތެރޭ ބިންބިމާބެހޭ ކޮމިޓީގެ ބައްދަލުވުމަށް ހާޒިރުވި މެންބަރުން އިއްތިފާޤުވެފައިވާތީވެ ބިމާ ބެހޭގޮތުން ކުރިން ކައުންސިލުން ނިންމާފައިވާ ނިންމުންތައް ކެންސަލްކުރުމަށްފަހު އެފަރާތާއި ބިން ޙަވާލުކުރުމަށް ފެންނަކަމަށް ޖަލްސާއަށް ހާޟިރުވި މެންބަރުންގެ އަޣުލަބިއްޔަތުން ވަނީ ފާސްކޮށްފައިއެވެ."
ވުމާއެކު، ވިލިނގިލި ކައުންސިލްގެ 2015 ވަނަ އަހަރުގެ 42 ވަނަ އާއްމު ޖަލްސާގެ ނިންމުމުން ސަޢުދު ޙުސައިންއަށް ސަވާ ގޯތީގެ އިރުމަތީ ފަރާތުން އޮތް ހުސް ބިމުން ގޯތި ދީ ބިން ޙަވާލުކުރުމަށް ފެންނަކަމަށް ނިންމާފައިވެއެވެ. އޭރު އެ ބިމަކީ ރަށުގެ ލޭންޑް ޔޫސް ޕްލޭނުގައިވާ ގޮތުން ވިޔަފާރި އުޞޫލުން ބިން ދޫކުރާ ސަރަޙައްދުގައި އޮތް ބިމެއްކަން އެނގެއެވެ. އެއިރު ޢަމަލުކުރަމުންދިޔަ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ 23 ވަނަ މާއްދާ (ވ) އަދި 24 ވަނަ މާއްދާގެ (ފ) ގެ ދަށުން ބިން ދޫކުރެވޭނީ ރަށުގެ ލޭންޑް ޔޫސް ޕްލޭނާ ތައާރުޒުނުވާގޮތުގެ މަތިންނެވެ. އަދި ބިމާބެހޭ ޤާނޫނުގެ ދަށުން ބިން ދޫކޮށް، ކުއްޔަށްދީ، ބިމާބެހޭ އެހެނިހެން މުޢާމަލާތު ކުރަންވާނީ، ބިމާބެހޭ ޤާނޫނާއި، އެކި ބޭނުންތަކަށާއި ކަންކަމަށް އެކަށައަޅާ ބިންބިމާބެހޭ ގޮތުން ހަދާ ޤާނޫނުތަކުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިންކަން އެ ޤާނޫނުގެ 7 ވަނަ މާއްދާއިން އެނގެން އޮވެއެވެ. މި އެންމެހައި ކަންކަމަކީ ހައިކޯޓުންވެސް ފާހަގަކޮށްފައިވާ ކަންކަމެވެ.
ސަޢުދު ޙުސައިންގެ ފަރާތުން ޙަވާލާދޭ އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ސިޓީއަކީ ވިލިނގިލީ ކައުންސިލްގެ 2015 ވަނަ އަހަރުގެ 42 ވަނަ އާއްމު ޖަލްސާއިން ނިންމި ނިންމުމުގެ އެއް އަހަރާ 3 މަސްފަހުގެ ސިޓީއެކެވެ. އެ ސިޓީގައި ކައުންސިލުން ނިންމާފައިވާގޮތަށް ގޯތި ދޫކުރުން އެންމެ ރަނގަޅުކަމަށް އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ އެއިރުގެ ރައީސް ޙަސަން ލުޠުފީ ސޮއިކޮށް، އަންގާފައިވެއެވެ. އެހެންނަމަވެސް މުޅި މައްސަލައިގައި ކަންހިނގާފައިވާ ގޮތަށް ބަލާއިރު، މި މައްސަލައިން ފެންނަން އޮތް ޙަޤީޤަތަކީ، ވިޔަފާރި ބޭނުމަކަށް އެކަށައަޅާފައިވާ ބިމަކުން، ސަޢުދު ޙުސައިންގެ ކުރިން އެހެން މީހަކުވެސް އެ ބިމަށް އެދިފައިވަނިކޮށް، ހަމައެކަނި ސަޢުދު ޙުސައިންގެ އެދުމަކަށް އޭނާއަށް ގޯއްޗެއް ކަނޑައިދިނުމަށް ނިންމައި، އެއަށް ފަހު މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ކިބައިން، ވަކި މީހަކަށް ގޯއްޗެއް ދިނުމަށްޓަކައި ރަށުގެ ލޭންޑް ޔޫސް ޕްލޭނަށް ބަދަލު ގެނައުމަށް އެދި، އެ ހުއްދަ ލިބިމުން، މި މައްސަލަ ދަށު ކޯޓަށްވެސް ހުށަހެޅުނު ފަހުން، ވިޔަފާރި ބިމަކުން ހަމައެކަނި ސަޢުދު ޙުސައިންއަށް ގޯއްޗެއް ކަނޑައި ޙަވާލުކުރުމަށް ވިލިނގިލި ކައުންސިލުން ނިންމާފައިވަނީ ޤާނޫނާ އެއްގޮތްވާގޮތުގެ މަތިންނޫންކަމެވެ. ސަބަބަކީ، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ 21 ވަނަ މާއްދާއާއި، 22 ވަނަ މާއްދާއާއި، 23 ވަނަ މާއްދާގެ (ހ)، (ވ) އަދި 24 ވަނަ މާއްދާގެ (ފ) ގެ ދަށުންވެސް ކައުންސިލްގެ އިޚްތިޞާޞް ހިނގާ ސަރަޙައްދުން، ބިމާބެހޭ ކަންކަން ނިންމުމުގެ ބާރު ކައުންސިލަށް ލިބިދެވިފައިވަނީ ޤާނޫނު ދަންނަ އިޖުރާއަތްތަކުގެ ތެރެއިން، ޤާނޫނާ އެއްގޮތްވާގޮތުގެ މަތިން، ވަކި ފަރާތެއްގެ މަސްލަޙަތު އިސްކުރުމެއްނެތި، އެންމެންގެ ލާބަޔާއި މަންފާއަށްޓަކައި ކަމުގައިވާތީއެވެ. ހުށަހެޅިފައިމިވާ މައްސަލައިގައިވާ ފަދައިން، ވަކި ފަރާތަކަށް ބިން ދިނުމަށް ވިލިނގިލި ކައުންސިލުން ނިންމުމަށްފަހު، އެ ނިންމުން ޤާނޫނީ އިމުގެ ތެރެއަށް ވެއްދުމަށް ފަހުން މަސައްކަތްކުރުމަކީ ޤާނޫނުން ކައުންސިލަށް ލިބިދެވިފައިވާ ބާރުތައް ޤާނޫނު ތަސައްވުރުކުރާ ގޮތަށް ކައުންސިލުން ބޭނުންކުރުމެއް ނޫނެވެ.
ވިލިނގިލި ކައުންސިލުން އެންމެ ފުރަތަމަވެސް ޤާނޫނުގައިވާ ގޮތުގެ މަތިން ލޭންޑް ޔޫސް ޕްލޭނަށް ބަދަލު ގެނައުމަށްފަހު، ހަމަހަމަކަމާއި ދެފުށް ފެންނަ ސިޔާސަތެއްގެ މައްޗަށް ބިނާކޮށް އެތަނުން ބިން ދޫކޮށްގެން ސަޢުދު ޙުސައިންއަށް ބިން ލިބިފައިވާނަމަ، މި މައްސަލައިން ނެރެވޭ ނަތީޖާ ތަފާތުވުން އެކަށީގެންވެއެވެ.
ވުމާއެކު، ހައިކޯޓުން މި ނުކުތާއާ މެދު ނިންމިގޮތް ޤާނޫނާ ޚިލާފުވާގޮތެއް ސަޢުދު ޙުސައިންއަށް ބުނެދެވިފައި ނުވެއެވެ.
ޤާނޫނުއަސާސީގެ 40 ވަނަ މާއްދާ
މި ނުކުތާގައި ސަޢުދު ޙުސައިންގެ ފަރާތުން ބުނެފައިވަނީ ސަޢުދު ޙުސައިންއަށް ޤާނޫނީ އިމުގެ ތެރެއިން ލިބިފައިވާ ގޯއްޗެއް ކައުންސިލްގެ ނުރުހުމުގައި، އަދި މިނިސްޓްރީ އޮފް ހައުސިންގެ އެންޑް އިންފްރާސްޓްރަކްޗަރގެ ނުރުހުމުގައި ނިގުޅައިގަނެވޭނެކަމަށް ނުދެކޭކަމަށާއި، ގޯތި ވަކިކުރެވޭނީ ޢާންމުވެގެންވާ މަންފާއަކަށްޓަކައި އެކަމަށް ކަނޑައެޅިފައިވާ މެކޭނިޒަމުގެ ތެރެއިން ޢަދުލުވެރި ބަދަލު ދިނުމަށްފަހުގައި ކަމަށެވެ. އަދި ޢަދުލުވެރި ބަދަލެއް ދީފައިނުވާއިރު، ދަށު ކޯޓުން ނިންމި ނިންމުން ޞައްޙަވާނެ ގޮތެއް ނުފެންނަކަމަށެވެ.
މި ނުކުތާއަކީ ސަޢުދު ޙުސައިންގެ ފަރާތުން ހައިކޯޓުގައިވެސް ފާހަގަކޮށްފައިވާ ނުކުތާއެކެވެ. އަދި އިސްތިއުނާފުކުރެވޭ ހައިކޯޓުގެ ގަޒިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ 23 ވަނަ ޕެރެގްރާފުން 26 ވަނަ ޕެރެގްރާފުގައި މި ނުކުތާއަށް ތަފުސީލީގޮތެއްގައި ޖަވާބު ދީފައިވެއެވެ. ކުރުގޮތަކަށް ބުނާނަމަ، ހައިކޯޓުން މި ނުކުތާއާ ގުޅޭ ގޮތުން ނިންމާފައިވަނީ މި މައްސަލައަކީ ޤާނޫނުއަސާސީގެ 40 ވަނަ މާއްދާއާ ގުޅުންހުރި މައްސަލައެއް ނޫންކަމަށެވެ.
ދަށު ކޯޓުގައި ހުށަހެޅުނު ދަޢުވާއަށް ބަލާއިރު، މި މައްސަލައަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 40 ވަނަ މާއްދާގައިވާ ގޮތަށް ޢާންމުވެގެންވާ މަންފާއަކަށްޓަކައި، މީހެއްގެ މުދަލެއް ޢަދުލުވެރި ބަދަލެއް ދިނުމެއްނެތި ނަގާފައިވާތީ ހުށަހަޅައިގެން އުޅޭ މައްސަލައެއް ނޫނެވެ. އެއާ ޚިލާފަށް، މި މައްސަލައަކީ ހަމަހަމަ މަޤާމެއްގައި ތިބި ދެ ފަރާތަކުން ދައުލަތުން ބަންޑާރަ ގޯއްޗަކަށް އެދުމުން، ވަކި ފަރާތަކަށް އިސްކަންދީގެން، ގޯތި ދީފައިވަނީ ހަމަހަމަކަމުގެ އުޞޫލާ ޚިލާފަށްކަމަށް ބުނެ ހުށަހެޅުނު މައްސަލައެކެވެ. ވުމާއެކު މި މައްސަލައިގެ މައުލޫއު ބިނާވަނީ ގޯތި ދިންދިނުން ޤާނޫނީގޮތުން ޞައްޙަކަމުގެ މައްޗަށެވެ.
އަދި ސަޢުދު ޙުސައިންއަށް ގޯތި ދިންގޮތަށް ބަލާއިރު، ވިލިނގިލި ކައުންސިލުން ސަޢުދު ޙުސައިންއަށް ވިޔަފާރި އުޞޫލުން ދޫކުރުމަށް އެކަށައަޅާފައިވާ ބިމަކުން ގޯތި ކެނޑުމަށް ނިންމީ، އެއިރު އޮތް ލޭންޑް ޔޫސް ޕްލޭނާ ޚިލާފަށް، އެ ތަނުން ގޯއްޗެއް ހޯދުމަށް އެދި ސަޢުދު ޙުސައިންއަށް ވުރެ ކުރިން ޝީޒާ މޫސާގެ ފަރާތުންވެސް ހުށަހަޅާފައިވަނިކޮށް، މި ކަންކަމަށް ބެލުމެއް ނެތިކަން އެނގެއެވެ. ޝީޒާ މޫސާ ވިލިނގިލި މެޖިސްޓްރޭޓް ކޯޓަށް މައްސަލަ ހުށަހެޅިއިރު، ސަޢުދު ޙުސައިންއަށް ވިލިނގިލި ހޮސްޕިޓަލް ކުރިމަތިން އަދި ބިން ދޫކޮށްފައިނުވެއެވެ. ވިލިނގިލި ކައުންސިލުން ސަޢުދު ޙުސައިންއަށް އެތަނުން ބިން ކަނޑައި ދޫކުރީ މި މައްސަލަ ދަށު ކޯޓަށް ހުށަހެޅުނުތާ އެތައް މަހެއް ފަހުން، ޝަރީޢަތްތައްވެސް ހިނގަމުން ދަނިކޮށް، މި މައްސަލައިގައި ކޯޓުން ގޮތެއް ކަނޑައަޅަންދެން މަޑުނުކޮށެވެ.
މި ޙާލަތުގައި، ވިލިނގިލި ކައުންސިލްގެ ޢަމަލުތަކަކީ އެންމެ އިޚްލާސްތެރިކަމާއެކު، މައްސަލަ ޙައްލުކުރުމުގެ ނިޔަތުގައި އަޅާފައިވާ ފިޔަވަޅުތަކެއްކަމުގައި ބަލަން ދައްޗެވެ. ސަބަބަކީ ސަޢުދު ޙުސައިންއަށް ވިލިނގިލި ހޮސްޕިޓަލް ކުރިމަތިން ބިމެއް ދޫކުރަން ނިންމި ނިންމުމަކީ ޤާނޫނާ އެއްގޮތަށް ނިންމާފައިވާ ނިންމުމެއް ކަމާ މެދު ޝަރުޢީ ކޯޓެއްގައި ސުވާލު އުފައްދާފައިވާ ދަނޑިވަޅެއްގައި، ޝަރީޢަތުން އެކަމުގެ ސައްޙަކަމާމެދު ގޮތްތަކެއް ކަނޑައެޅުމުގެ ކުރިން، މި އެންމެހައި ކަންކަން ތަޖާހުލުކޮށް ބިން ދޫކުރުމުގެ މުޢާމަލާތައިގެން ކައުންސިލުން ކުރިއަށް ގޮސްފައިވާތީއެވެ. ކައުންސިލުން މިފަދައިން ޢަމަލުކުރުމަކީ، އޭގެ ފަހުން ހިނގާ ކަންކަން ޤާނޫނީ ގޮތުން ސައްޙަވާނެކަމަށް ބެލުމުގެ ހުއްޖަތެއް ނޫނެވެ. އަދި އޭގެ ފަހުން ހިނގާ ކަންކަމުން ބިމާބެހޭ އައު ޤާނޫނީ ޙައްޤުތަކެއް އުފެދެން މެދުވެރިވާ ސަބަބެއްވެސް ނޫނެވެ.
ވުމާއެކު، ޤާނޫނުއަސާސީގެ 40 ވަނަ މާއްދާއަކީ މި މައްސަލައަށް ތަތުބީގު ކުރެވިދާނެ މާއްދާއެއް ކަމުގައި އަހުރެން ނުދެކެމެވެ.
ދަށު ކޯޓުތަކުން މަތީ މަރުހަލާ ކޯޓުތަކުގެ ޙުކުމަށް ތަބާވުން
ސަޢުދު ޙުސައިންގެ ފަރާތުން ހުށަހެޅި އިސްތިއުނާފީ ހަތަރުވަނަ ނުކުތާގައި ބުނެފައިވަނީ ސުޕްރީމް ކޯޓުގެ ނަންބަރު 2015/SC-SJ/16 ކޯޓު އަމުރަށް ތަޙައްދީކޮށް، ޤާނޫނުއަސާސީގެ 142 ވަނަ މާއްދާގެ (ރ) އާއި، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 3 ވަނަ މާއްދާއާއި، 4 ވަނަ މާއްދާގެ (ށ) އާއި، ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ހ) އާއި (ށ) މި މައްސަލައިގެ ތެރެއަށް ތަޠުބީޤުކޮށް މާނަކޮށްފައިވަނީ އެ މާއްދާތަކުގެ އަޙްކާމްތަކާ ޚިލާފަށްކަމަށެވެ.
މި ނުކުތާގެ ތަފުޞީލުގައި ބުނެފައިވަނީ ސުޕްރީމް ކޯޓުގެ ނަންބަރު 2015/SC-SJ/16 ކޯޓު އަމުރަކީ ދިރި ދެމިއޮތް އަމުރެއްކަމަށާއި، އެ އަމުރަށް ތަބާވުން އެއަށްވުރެ ދަށު ކޯޓުތަކަށް ލާޒިމުކަމަށެވެ. ޤާނޫނުއަސާސީގެ 143 ވަނަ މާއްދާއާއި މަތީ މަރުޙަލާގެ ކޯޓުތަކުން ނިންމާ ނިންމުންތަކަށް އެއަށްވުރެ ދަށު މަރުޙަލާގެ ކޯޓުތަކުން ތަބާވާންޖެހޭކަމަށް އޮތްއިރު، އަދި ޤާނޫނުއަސާސީއާއި ޤާނޫނުތައް މާނަކުރުމުގައާއި، ޝަރީޢަތުން ބަލާ އެނޫންވެސް މައްސަލަތަކުގައި ސުޕްރީމް ކޯޓުން ނިންމާ ނިންމުމަކީ އެންމެ ފަހުގެ ނިންމުންކަމަށް ބުނެފައިވާއިރު، ސުޕްރީމް ކޯޓުގެ މި ބުނެވުނު އަމުރާ ޚިލާފަށް ހައިކޯޓުން މައްސަލަ ނިންމާފައިވާކަމަށެވެ.
ސުޕްރީމް ކޯޓުގެ ނަންބަރު 2015/SC-SJ/16 ކޯޓު އަމުރަށް ބަލާއިރު، އެ އަމުރަކީ ސަރުކާރުން އަމިއްލަ ފަރާތަކަށް ދޫކޮށްފައިވާ ބަންޑާރަ ގޯއްޗެއްގެ މައްސަލައަކާއި ގުޅިގެން ދައުލަތަށް ދަޢުވާލިބޭގޮތަށް ހުށަހެޅުމުން ބަލަމުންދިޔަ ވިލިގިނލި މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 215/P2C/2015 ގަޒިއްޔާއާ ގުޅިގެން ސުޕްރީމް ކޯޓުން ނެރެފައިވާ ކޯޓު އަމުރެކެވެ. އެ އަމުރުގައިވަނީ އެ މައްސަލައަކީ ދުސްތޫރީ އަދި އިދާރީ ޤާނޫނުގެ މައްސަލައަކަށްވެފައި، މިބާވަތުގެ "ޕަބްލިކް ލޯ" ގެ މައްސަލަތަކަކީ ދައުލަތުގެ ޢާއްމު މަޞްލަޙަތާ ގުޅުން ހުންނަ މައްސަލަތަކަށްވާތީ އާއި، މިފަދަ މައްސަލަތަކަކީ ދައުލަތުގެ ބަންޑާރަ ނައިބު ކޯޓުގައި ތަމްސީލުކުރަންޖެހޭ މައްސަލަތަކަށްވާއިރު، މި މައްސަލައިގައި ޢަމަލުކޮށްފައިވަނީ މި އިޖުރާއަތާ އެއްގޮތަށް ކަމުގައިނުވާތީ، އެ އިޖުރާއަތުތަކަކީ ބާޠިލު އިޖުރާއަތުތަކެއް ކަމަށް ކަނޑައަޅައި، އެ ގަޒިއްޔާގައި ޢަމަލުކުރެވުނު އިޖުރާއަތުތައް ބާޠިލުކޮށް، ސިވިލް ކޯޓަށް އެ މައްސަލަ ތަޙުވީލުކޮށެވެ.
ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު ވުޖޫދުވެގެން އައިއިރު، އެކި ގިންތިތަކުގެ ކޯޓުތައް ކަނޑައަޅައި ކޯޓުތަކުގެ އިޚްތިޞާޞްތަކާއި މަސައްކަތްތައް ބަޔާންކޮށްފައިވެއެވެ. އެގޮތުން ސުޕްރީމް ކޯޓަށް ލިބިގެންވާ އިޚްތިޞާޞް ކޯޓުތަކުގެ ޤާނޫނުގެ 9 މާއްދާއާއި 22 ވަނަ މާއްދާގައި ބަޔާންކޮށްފައިވާއިރު، މެޖިސްޓްރޭޓް ކޯޓަށް ލިބިގެންވާ އިޚްތިޞާޞް ކޯޓުތަކުގެ ޤާނޫނުގެ 66 ވަނަ މާއްދާގައި ބަޔާންކޮށްފައިވެއެވެ.
އެގޮތުން ވަކި ރަށަކާ ގުޅިގެން ކުރިމަތިވާ، އެ ރަށެއްގެ ބިމާއި ޢިމާރާތްތަކާއި ގޯތި ގެދޮރާއި އެ ރަށުގައިވާ ނުއުފުލޭ މުދަލުގެ މައްސަލަތައް ބަލާނީ އެ ރަށެއްގެ މެޖިސްޓްރޭޓް ކޯޓުންކަމަށް ޤާނޫނުގެ ޖަދުވަލު 5 ގެ 3 ވަނަ ނަންބަރުގެ (ހ) އަށް ބެލުމުން އެނގެން އޮވެއެވެ.
ސަޢުދު ޙުސައިންގެ ފަރާތުން ޙަވާލާދޭ ސުޕްރީމް ކޯޓުގެ ނަންބަރު 2015/SC-SJ/16 ކޯޓު އަމުރަށް ބަލާއިރު، އެ އަމުރުން ދަށު ކޯޓުގައި ބަލަމުންދިޔަ މައްސަލައެއްގެ އިޖުރާއަތު ބާޠިލުކަމަށް ކަނޑައަޅާފައިވާއިރު، އެ އަމުރަކީ އޭރު ޢަމަލުކުރަމުން ދިޔަ ގަވާއިދެއްގެ ދަށުން ނެރެފައިވާ އަމުރެއްކަމުގައި ބެލި ނަމަވެސް، އޭރުވެސް ކޯޓުތަކުން ޢަމަލުކުރަމުން އައީ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނަށްކަން އެނގެއެވެ. ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގައި ކޯޓުތަކުގެ އިޚްތިޞާޞް ބަޔާންކުރެވިފައިވާއިރު، ޤާނޫނުގައި ޢަމަލުކުރުމަށް ކަނޑައެޅިފައިވާ އިޖުރާއާތާ ޚިލާފަށް އަމުރު ނެރުމުގެ އިޚްތިޞާޞްއެއް ސުޕްރީމް ކޯޓަށް ލިބިގެންނުވާކަން އެސްޓޭޓް އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑް ވ. އުސާމަތު އިސްމާޢީލް ގަޒިއްޔާގައިވެސް ބަޔާންކޮށްފައިވާނެއެވެ. އެހެންކަމުން، ކޯޓުތަކުގެ ޤާނޫނުގެ ދަށުން ވިލިނގިލި މެޖިސްޓްރޭޓް ކޯޓަށް އިޚްތިޞާޞް ލިބިގެންވާ މައްސަލައެއް ސިވިލް ކޯޓަށް ސުޕްރީމް ކޯޓުގެ ނަންބަރު 2015/SC-SJ/16 ކޯޓު އަމުރުން ތަޙުވީލުކޮށްފައިވަނީ ޤާނޫނުއަސާސީގެ 142 ވަނަ މާއްދާގެ ދަށުން ފަނޑިޔާރުން ޤާނޫނާ އެއްގޮތަށް ޢަމަލުކުރުމަށް އޮންނައޮތުމާ ޚިލާފަށް، ކޯޓުތަކުގެ ޤާނޫނާ ކަނޑައެޅިގެން ޚިލާފަށްކަމުގައި އަހުރެން ދެކެމެވެ.
ކޯޓުތަކުން ބަލާ ހުރިހާ މައްސަލަތަކެއްވެސް ބަލަންވާނީ ދިވެހިރާއްޖޭގެ ޤާނޫނުއަސާސީއާއި ޤާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތިންކަމަށް ޤާނޫނުއަސާސީގެ 142 ވަނަ މާއްދާއިންނާއި ކޯޓުތަކުގެ ޤާނޫނުގެ 3 ވަނަ މާއްދާގެ ސާފު އިބާރާތުން އެނގެން އޮވެއެވެ. ކޯޓުތަކުގެ ޤާނޫނުގައި ސާފުކޮށް ކޯޓުތަކުގެ އިޚްތިޞާޞް ބަޔާންވެފައި ވަނިކޮށް، އެއާ ޚިލާފަށް ސުޕްރީމް ކޯޓަށް ކޯޓު އަމުރަކުން އެހެން ގޮތަކަށް ކަނޑައެޅުމުގެ ބާރު ލިބިފައިނުވެއެވެ. ޤާނޫނަށް ބޯލެނބުމުގައި ސުޕްރީމް ކޯޓަށް ވަކި ޚާއްޞަ އިމްތިޔާޒެއް ނުވަތަ އިސްތިސްނާއެއް ލިބިގެންނުވެއެވެ. ޝަރީޢަތްކުރުމުގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންވެސް ތަބާވުން ލާޒިމުވާ މަސްދަރަކީ ދިވެހިރާއްޖޭގެ ޤާނޫނުއަސާސީ އާއި ޤާނޫނެވެ.
މަތީ މަރުހަލާގެ ކޯޓުތަކުން ނިންމާ ނިންމުންތަކަށް ދަށު މަރުޙަލާގެ ކޯޓުތަކުން ތަބާވާންޖެހެނީ، އެ ނިންމުމަކީ ދިވެހިރާއްޖޭގެ ޤާނޫނުއަސާސީއާއި ޤާނޫނުތަކާ އެއްގޮތަށް ނިންމާފައިވާ ނިންމުމެއް ކަމުގައިވާނަމައެވެ. ދިވެހިރާއްޖޭގެ ޤާނޫނުއަސާސީއާއި ޤާނޫނުތައް އެއްފަރާތްކޮށް ނިންމާފައިވާ ނިންމުމެއްކަން ފާޅުކަން ބޮޑުގޮތެއްގައި ފެންނާން އޮތްނަމަ، އެއާ އެއްގޮތަށް ޢަމަލުކުރުން ދަށުކޯޓުތަކަށް ލާޒިމުނުވެއެވެ. މި ކޯޓުގެ އިބްރާހީމް ޢަބްދުއްލަޠީފް ވ. އޯނަސް ޕްރައިވެޓް ލިމިޓެޑް ގަޒިއްޔާއާއި އެސްޓޭޓް އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑް ވ. އުސާމަތު އިސްމާޢީލް ގަޒިއްޔާ ފަދަ މައްސަލަތަކުގައި މި އުޞޫލު ނަގަހައްޓާފައިވެއެވެ. އިންސާފު ޤާއިމުކުރުމަކީ ކޯޓުތަކުގެ އެންމެ އިސް ވާޖިބުކަމުގައި ވާއިރު، މަތީ މަރުޙަލާގެ ކޯޓުތަކުން ނިންމާ ނިންމުންތަކަށްވެސް ރިޢާޔަތް ކުރެވެންވާނީ މި މަޤުޞަދާ ފުށުނާރާ ގޮތެއްގެ މަތިންނެވެ.
ވުމާއެކު، ދިވެހިރާއްޖޭގެ ހައިކޯޓުން އިސްތިއުނާފުކުރެވޭ މައްސަލައަކީ ދަށު ކޯޓަށް އިޚްތިޞާޞް ލިބިގެންވާ މައްސަލައެއްކަމަށް ކަނޑައެޅުމުގައި ސުޕްރީމް ކޯޓުގެ ނަންބަރު 2015/SC-SJ/16 ކޯޓު އަމުރަށް ރިޢާޔަތް ނުކުރަން ނިންމާފައިވަނީ ޤާނޫނުއަސާސީގެ 142 ވަނަ މާއްދާގެ (ރ) އާއި، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 3 ވަނަ މާއްދާއާއި، 4 ވަނަ މާއްދާގެ (ށ) އާއި، ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ހ) އާއި، (ށ) އާ ޚިލާފަށް ކަމުގައި އަހުރެން ނުދެކެމެވެ.
އިސްވެ ބަޔާންވެދިޔަ ކަންކަން އެގޮތުގެ މަތިން ހުރުމާއެކު، ސަޢުދު ޙުސައިންގެ ފަރާތުން ހުށަހަޅާފައިވާ އިސްތިއުނާފީ ނުކުތާތަކުގެ މައްޗަށް ބިނާކޮށް، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2018/HC-S-A/25 ގަޒިއްޔާގައި ކޮށްފައިވާ ޙުކުމަށް ބަދަލު ގެންނަންޖެހޭ ސަބަބެއް އަހުރެންނަކަށް ނުފެނެއެވެ.
ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުގެ ރައުޔު
މި މައްސަލައިގައި ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްގެ ރައުޔު
މި މައްސަލައިގައި ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ޙުކުމް
ދެންފަހެ، އިސްވެ ބަޔާންކުރެވުނު ކަންކަން އެގޮތަށް ހުރުމާއެކު، ގއ. ވިލިނގިލި، އަޅިވިލާގެ، ސަޢުދު ޙުސައިންގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2018/HC-S-A/25 ގަޒިއްޔާ އިސްތިއުނާފު ކުރަމުން ހުށަހަޅާފައިވާ ނުކުތާތަކުގެ މައްޗަށް ބިނާކޮށް، އެ ގަޒިއްޔާގައި ކޮށްފައިވާ ޙުކުމަށް ބަދަލު ގެންނަންޖެހޭ ފަދަ ސަބަބެއް ނެތްކަމަށް، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި، ޙުކުމްކޮށްފީމެވެ.
މަޙާޒު ޢަލީ ޒާހިރުއަޒްމިރާލްދާ ޒާހިރުމުޙައްމަދު އިބްރާހީމް(ރިޔާސަތު)
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.