ޢާމިރު ޔޫސުފް ވ. ޙަސަން ޢަލީދީދީ
ޚުލާޞާ
ޚުލާޞާ ނެތް.
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- —
- ފަހުގެ ތާރީޚު
- —
ނިންމުން
—
ކޯ ޓާމްސް
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
މި ލިޔުމުން އުޞޫލެއް ނުނެގުނު.
ފަނޑިޔާރުން
- ބެންޗު
- —
- ޚިލާފު ރައުޔު
- ނެތް
ޝަރީޢަތުގެ ވީޑިއޯ
ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.
ޢާމިރު ޔޫސުފް ވ. ޙަސަން ޢަލީދީދީ
ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިން (ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމް ތާއީދު ކުރައްވާފައި)
ތަޢާރުފު
މި ދެ މައްސަލައަކީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2017/HC-A/17 ޤަޟިއްޔާ އާއި ނަންބަރު 2016/HC-A/563 ޤަޟިއްޔާ ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށް ބުނެ، ޢާމިރު ޔޫސުފް، މީގެފަހުން "ޢާމިރު ޔޫސުފް" ކަމަށް ބުނެފައިވާ) ފަރާތުން ސުޕްރީމް ކޯޓަށް އިސްތިއުނާފަށް ހުށަހެޅި ދެ މައްސަލައެވެ. މި ދެ މައްސަލައިގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ ޙަސަން ޢަލީދީދީ، މީގެ ފަހުން "ޙަސަން ޢަލީދީދީ" ނުވަތަ "އިސްތިއުނާފު ރައްދުވާ ފަރާތް" ކަމަށް ބުނެފައިވާ) ފަރާތެވެ.
މައްސަލައިގައި ކަންހިނގާފައިވާ ގޮތް
ޢާމިރު ޔޫސުފްގެ ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ މާލެ، މ. ޔުޒްނީ އެވެ ކިޔާ ގޯތީގައި ކުރެވޭ ޢިމާރާތުގެ ދެ ފަންގިފިލާ 2005 ވަނަ އަހަރުން ފެށިގެން 15 (ފަނަރަ) އަހަރުގެ މުއްދަތަށް ޙަސަން ޢަލީދީދީއަށް ކުއްޔަށް ދޭގޮތަށް ޢާމިރު ޔޫސުފް އެއްބަސްވެގެން، އެ ގޯތީގައި 06 (ހައެއް) ބުރީގެ ޢިމާރާތެއް ޙަސަން ޢަލީދީދީގެ ޚަރަދުގައި ޢިމާރާތް ކޮށްފައިވާކަމަށް ޙަސަން ޢަލީދީދީ ބުނެފައިވެއެވެ.
ޢާމިރު ޔޫސުފް ބުނެފައިވަނީ ޢިމާރާތް ހެދުމުގެ މަސައްކަތްކުރީ ޙަސަން ޢަލީދީދީ ނަމަވެސް، ޢިމާރާތް ހަދަން ފަށާފައިވަނީ އޭނާ ތަކެއްޗާއި ފައިސާ ދީގެން ކަމަށާއި، ފަހުން ޢިމާރާތް ނިންމާފައިވަނީ އޭނާ ލޯނެއް ނަގައިގެން ކަމަށާއި، ޢިމާރާތް ހެދުމަށް ޚަރަދު ކޮށްފައިވަނީ އޭނާ ކަމަށެވެ. މިގޮތުން، ޢިމާރާތް ހެދުމުގެ މަސައްކަތްކުރީ ޙަސަން ޢަލީދީދީ ކަމާމެދު ދެފަރާތުގެ ދެމެދުގައި ޚިލާފެއް ނެތެވެ. ދެފަރާތުގެ ދެމެދުގައި ޚިލާފެއް އުފެދިފައިވަނީ ޢިމާރާތް ހެދުމަށް ޚަރަދުކުރި ފަރާތާމެދުގައެވެ.
ޙަސަން ޢަލީދީދީ އިމާރާތްކުރުމަށް ކުރި ޚަރަދު ހޯދުމަށް ޢާމިރު ޔޫސުފުގެ މައްޗަށް ސިވިލް ކޯޓުގައި ދަޢުވާކުރިއެވެ.
ސިވިލް ކޯޓުން ނިންމިގޮތް
ޙަސަން ޢަލީދީދީ ހުށަހެޅި މައްސަލަ ސިވިލް ކޯޓުން ބަލާފައިވަނީ އެ ކޯޓުގެ ނަންބަރު 1203/Cv-C/2015 ޤަޟިއްޔާއިންނެވެ.
ޙަސަން ޢަލީދީދީ ސިވިލް ކޯޓަށް ހުށަހެޅި ދަޢުވާގެ ޚުލާޞާގައި ބުނެފައިވަނީ، ޢާމިރު ޔޫސުފްގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ މ. ޔުޒުނީއެވެ ކިޔާ ގޯތީގައި ޙަސަން ޢަލީދީދީގެ އަމިއްލަ ޚަރަދުގައި 60 (ހައެއް) ބުރި އިމާރާތެއް ހަދާފައިވަނީ، އިމާރާތުގެ 02 (ދޭއް) ބުރި ޙަސަން ޢަލީދީދީއަށް 15 (ފަނަރަ) އަހަރަށް ދިނުމަށް ޢާމިރު ޔޫސުފް އެއްބަސްވެގެންކަމަށް ވެފައި، ޢިމާރާތްކޮށް ނިމުމުން، އެ ޢިމާރާތުގެ 02 (ދޭއް) ފަންގިފިލާ ޙަސަން ޢަލީދީދީއަށް ދިން ނަމަވެސް، ފަހުން ޙަސަން ޢަލީދީދީގެ އަތުން ޢާމިރު ޔޫސުފް އެތަން އަތުލާފައިވުމުން، އެއްބަސްވުމާ ޢާމިރު ޔޫސުފް ޚިލާފުވެފައިވާތީ، ޢިމާރާތްކުރުމަށް ޚަރަދުކޮށްފައިވާ 2,740,500/-ރ. (ދޭއް މިލިއަން ހަތް ލައްކަ ސާޅީސް ހާސް ފަސް ސަތޭކަ ރުފިޔާ) ހޯދުމަށް ޢާމިރު ޔޫސުފްގެ މައްޗަށް ދަޢުވާކުރާކަމަށެވެ.
މި މައްސަލައިގައި ސިވިލް ކޯޓުން އަންނަނިވި ކަންކަން ނިންމާފައިވެއެވެ.
މ.ޔުޒުނީ އެވެކިޔާ ގޯތީގައި ޢިމާރާތްކުރުމަށާއި ކުއްޔަށްދިނުމަށް ޑްރާފްޓުކޮށްފައިވާ އެއްބަސްވުމެއްކަމަށް ބުނެ ޙަސަން ޢަލީދީދީ ޝަރީޢަތަށް ހުށަހެޅި އެއްބަސްވުމަށް ޢާމިރު ޔޫސުފް އިންކާރުކޮށްފައިވާކަން؛
ޢިމާރާތެއް ކުރުމަށް ޢާމިރު ޔޫސުފް ބޭންކް އޮފް މޯލްޑިވްސް އިން ލޯނެއް ނެގި ނަމަވެސް، އެ ފައިސާ ޙަސަން ޢަލީދީދީއާ ޙަވާލުކޮށްފައިވާކަން ސާބިތުކޮށްދެވިފައި ނުވާކަން؛
ޙަސަން ޢަލީދީދީގެ ފަރާތުން ދަޢުވާ ސާބިތުކުރުމަށް ހުށަހަޅާފައިވާ ހެކިންގެ ހެކިބަހުން މ. ޔުޒުނީ އެވެ ކިޔާ ގޯތީގައި ފައުންޑޭޝަނުން ފެށިގެން 06 (ހައެއް) ބުރީގެ ޢިމާރާތެއް ޙަސަން ޢަލީދީދީގެ އަމިއްލަ ޚަރަދުގައި ކޮށްފައިވާކަން ޝަރީޢަތަށް ސާބިތުވާކަން؛
މ. ޔުޒުނީ އެވެ ކިޔާ ގޯތީގައިވާ ޢިމާރާތުގެ އަގަކީ 2,100,000/-ރ. (ދޭއް މިލިއަން އެއްލައްކަ ރުފިޔާ) ކަމަށްވާތީ، އެ މިންވަރަކީ އެ ޢިމާރާތް ކުރުމަށްދިޔަ ޚަރަދުކަމުގައި މަދަނީ މިންގަނޑުން ސާބިތުވާކަން؛
މ. ޔުޒުނީ އެވެ ކިޔާ ގޯތީގައިވާ ޢިމާރާތް ޙަސަން ޢަލީދީދީގެ ކިބައިން ވަކިކޮށް، ޢާމިރު ޔޫސުފްގެ ބެލުމުގެދަށަށް ގެނެވިފައިވާއިރު، އެ ޢިމާރާތުގެ އެއްވަނަ ފަންގިފިލާ އާއި ދެވަނަ ފަންގިފިލާ، އެކި ފަރާތްތަކަށް ކުއްޔަށްދީގެން ޙަސަން ޢަލީދީދީއަށް ޖުމްލަ 762,000/-ރ. (ހަތް ލައްކަ ފަސްދޮޅަސްދޭއް ހާސް ރުފިޔާ) ލިބިފައިވާކަމަށާއި، ޢިމާރާތްކުރުމަށް ދިޔަ ޚަރަދުން މި ފައިސާ އުނިކުރުމުން، ބާކީވާ 1,338,000/-ރ. (އެއް މިލިއަން ތިން ލައްކަ ތިރީސްއަށެއް ހާސް ރުފިޔާ) އަކީ ޢާމިރު ޔޫސުފްގެ ފަރާތުން ޙަސަން ޢަލީދީދީ އަށް 27 ސެޕްޓެންބަރު 2016 އިން ފެށިގެން 06 (ހައެއް) މަސްދުވަހުގެ ތެރޭގައި ދޭންޖެހޭ ފައިސާކަން.
މި މައްސަލަ ސިވިލް ކޯޓުން ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުސޫލުތަކާ ޚިލާފަށްކަމަށްބުނެ، މި މައްސަލައިގައި ހިމެނޭ ދެ ފަރާތުންވެސް ސިވިލް ކޯޓުގެ ޙުކުމް ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކޮށްފައިވެއެވެ.
ހައިކޯޓުގެ ނަންބަރު 2017/HC-A/17 ޤަޟިއްޔާއިން ނިންމިގޮތް
ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2017/HC-A/17 ޤަޟިއްޔާއަކީ، ޢާމިރު ޔޫސުފްގެ ފަރާތުން އިސްތިއުނާފުކުރި މައްސަލަ ބެލުނު ޤަޟިއްޔާއެވެ. ސިވިލް ކޯޓުން ކޮށްފައިވާ ޙުކުމަކީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތަށް ކޮށްފައިވާ ޙުކުމެއްކަމަށް އަންނަނިވި ސަބަބުތަކުގެ މައްޗަށް ބިނާކޮށް ހައިކޯޓުން ނިންމާފައިވެއެވެ.
މ. ޔުޒުނީގައި ޢިމާރަތެއް ކުރުމަށް ބޭންކް އޮފް މޯލްޑިވްސް އިން ލޯނެއް ނަގާފައިވާ ކަމަށް ޢާމިރު ޔޫސުފް ބުނި ނަމަވެސް، އެ ލޯނު ނެގިއިރު ވެސް އެ ގޯތީގައި 04 (ހަތަރެއް) ބުރީގެ ޢިމާރާތެއް ހުރިކަން އެނގެން އޮތްކަން؛
އެ ޢިމާރާތަކީ ޙަސަން ޢަލީދީދީ ކޮށްފައިވާ ޢިމާރާތެއްކަން ޙަސަން ޢަލީދީދީ ހުށަހެޅި ހެކިންގެ ހެކިބަހުން ސާބިތުވާއިރު، އެ ކަން ނަފީކުރުމަށް ޢާމިރު ޔޫސުފްގެ ފަރާތުން ހުށަހެޅި ހެކިންގެ ހެކިބަހުން އެކަން ނަފީވެގެން ނުދާކަމަށާއި، އެހެންކަމުން މި މައްސަލައިގެ މައުޟޫޢުއާމެދު ދަށު ކޯޓުން ފައިސަލާކޮށްފައި ނުވާކަމަށް ޢާމިރު ޔޫސުފްގެ ފަރާތުން ބުނާބުނުމަކީ ރަނގަޅު ބުނުމެއް ނޫންކަން؛
މ. ޔުޒުނީގައި ޢިމާރާތެއް ހަދާފައިވަނީ އެކަށީގެންވާ ގޮތުގައި ލިޔެކިޔުންތައް ބެލެހެއްޓިގެން ނޫންކަމަށް ދެ ފަރާތުން ވެސް އެއްބަސްވާކަމަށާއި، މ. ޔުޒުނީގައި އެ ޢިމާރާތް ހެދީ ޙަސަން ޢަލީދީދީ ކަން ދެ ފަރާތުގެ ބަހުން އެނގޭކަމާއި، ޙަސަން ޢަލީދީދީ ހުށަހެޅި ހެކިންގެ ހެކިބަހުން ޢާމިރު ޔޫސުފްގެ ގެއެއް ޙަސަން ޢަލީދީދީ ހަދަމުން ދިޔަކަން އެނގޭ ކަމާއި، އޭގެ ތެރެއިން އެއް ހެއްކަކީ ޙަސަން ޢަލީދީދީގެ ޢާއިލާގެ މީހެއްކަމަށް ބުނާބުނުމަކީ ހެކިބަސް ބަލައި ނުގަނެވެނޭ ސަބަބެއް ނޫންކަން؛
ޢާމިރު ޔޫސުފް ހުށަހެޅި ކަންކަމަށް ދަށު ކޯޓުގައި ރިޢާޔަތްކޮށްފައި ނުވަނީ، ޢާމިރު ޔޫސުފް ހުށަހެޅި ހެކިންގެ ހެކި ބަހުންނާއި ލިޔެކިޔުންތަކުން އެ ކަންކަން ސާބިތުނުވާތީ ކަން.
ހައިކޯޓުގެ ނަންބަރު 2016/HC-A/563 ޤަޟިއްޔާއިން ނިންމިގޮތް
ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HC-A/563 ޤަޟިއްޔާއަކީ ޙަސަން ޢަލީދީދީގެ ފަރާތުން އިސްތިއުނާފު ކުރި މައްސަލަ ބެލުނު ޤަޟިއްޔާއެވެ.
ހައިކޯޓުން މި ޤަޟިއްޔާގައި ގޮތެއް ނިންމަންޖެހުނު ނުކުތާއަކީ، މި މައްސަލައިގައި ހިމެނޭ ޢިމާރާތުގެ އަގު ކަނޑައަޅާފައިވަނީ އެ ޢިމާރާތްކުރުމަށް ފާސްކޮށްފައިވާ 04 (ހަތަރެއް) ބުރީގެ ކުރެހުމުގެ އެސެސްމަންޓުގެ މައްޗަށް ބިނާކޮށްކަމަށް ވީނަމަވެސް، އެ ޢިމާރާތް 06 (ހައެއް) ބުރިއަށް ހަދާފައި ވުމުންނާއި، އަގު ކަނޑައެޅުމުގައި އެންމެ މަތީގެ 02 (ދޭއް) ބުރިއަށް ހިނގި ޚަރަދާމެދު ގޮތެއް ނިންމިފައި ނުވަނީ އޮޅުމަކުންކަމަށް ވުމުން، ސިވިލް ކޯޓުގެ ޙުކުމަށް ބަދަލުގެންނަންޖެހޭކަމަށް ބުނެ ޙަސަން ޢަލީދީދީގެ ފަރާތުން ހުށަހެޅި ނުކުތާއަށެވެ.
ސިވިލް ކޯޓުގެ ޙުކުމުގައި މިރައުޔުގެ 7.5 ގައި އިޝާރަތްކުރާ ޝަރީޢަތުން ނަގައިދީފައިވާ ޚަރަދުގެ އިތުރުން، ޙަސަން ޢަލީދީދީގެ ފަރާތުން ބަޔާންކޮށްފައިވާ ދެ ފަންގިފިލާގެ އަގު ހޯދުމުގެ މައްސަލަ އެހެން ޤަޟިއްޔާއަކުން ސިވިލް ކޯޓަށް ހުށަހަޅައިފިނަމަ، އެ ދެ ފަންގިފިލާގެ އަގުގެ ގޮތުގައި ޝަރީޢަތަށް ސާބިތުވާ މިންވަރެއް ޙަސަން ޢަލީދީދީއަށް ލިބިދިނުމަށް އަންގައި، މި ޤަޟިއްޔާއިން ޙުކުމްކޮށްފައިވެއެވެ.
ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރުން
އިސްވެ ބަޔާންވެދިޔަ ހައިކޯޓުގެ ދެ ޤަޟިއްޔާގައި ކޮށްފައިވާ ދެ ޙުކުމަކީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކޮށްފައިވާ ޙުކުމްތަކެއް ކަމަށް ބުނެ، އެ ދެ ޤަޟިއްޔާވެސް ޢާމިރު ޔޫސުފްގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައިވެއެވެ.
ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައިވާ ދެ ޤަޟިއްޔާގައި އިސްތިއުނާފު ރައްދުވަނީ އެއް ފަރާތަށެވެ. އެއީ ޙަސަން ޢަލީދީދީއެވެ. މި ދެ ޤަޟިއްޔާގައި ހިމެނޭ މައުޟޫޢީ ކަންތައްތަކަކީ މ.ޔުޒުނީ އެވެ ކިޔާ ގޯތީގައި އިމާރާތްކޮށްފައިވާ 06 (ހައެއް) ބުރީގެ ޢިމާރާތް ހެދުމާބެހޭ ކަންތައްތަކެވެ. މިގޮތުން މިއީ، މި ދެ ޤަޟިއްޔާ އެކުގައި އަޑުއެހުމަށްފަހު މި ދެ ޤަޟިއްޔާ ސުޕްރީމް ކޯޓުން ނިންމުމުގައި އަހުރެންގެ ރައުޔެވެ.
ސުޕްރީމް ކޯޓުގެ ނަންބަރު 2020/SC-A/81 ޤަޟިއްޔާ އިން ހުށަހެޅިފައިވާ ނުކުތާތައް
ހައިކޯޓުގެ ނަންބަރު 2017/HC-A/17 ޤަޟިއްޔާ އިސްތިއުނާފުކުރަމުން ޢާމިރު ޔޫސުފްގެ ފަރާތުން ތިން ނުކުތާއެއް ސުޕްރީމް ކޯޓަށް ހުށަހަޅާފައިވެއެވެ.
ފުރަތަމަ ނުކުތާއަކީ: އިސްތިއުނާފުކުރެވުނު މައްސަލައިގެ ޙަޤީޤަތާމެދު މައުޟޫޢީގޮތުން ރަނގަޅަށް ބަލައި އެކަށީގެންވާ މިންވަރަށް ރިޢާޔަތްކުރުމަކާ ނުލައި މައްސަލަ ނިންމާފައިވާ ކަމަށްބުނެ ހުށަހެޅި ނުކުތާއެވެ.
ދެވަނަ ނުކުތާއަކީ: މައްސަލައިގައި ހިމެނޭ ހެކިންގެ ހެކިބަސް ވަޒަންކުރުމުގައި އެއް މިންގަނޑެއް ބޭނުންކޮށްފައި ނުވާކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
ތިންވަނަ ނުކުތާއަކީ: މ. ޔުޒުނީގައި ޢިމާރާތްކުރުމަށް ބޭނުންވާ ތަކެތި ހޯދައި، މަސައްކަތަށް ޚަރަދުކޮށް، ޢިމާރާތް ނިންމުމަށްޓަކައި ލޯނެއްނަގާފައި ވީނަމަވެސް، އެ ކަންތައްތަކަށް ރިޢާޔަތްކޮށްފައި ނުވާކަމަށްބުނެ ހުށަހެޅި ނުކުތާއެވެ.
ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-A/20 ޤަޟިއްޔާ އިން ހުށަހެޅިފައިވާ ނުކުތާތައް
ހައިކޯޓުގެ ނަންބަރު 2016/HC-A/563 ޤަޟިއްޔާ އިސްތިއުނާފު ކުރަމުން ޢާމިރު ޔޫސުފްގެ ފަރާތުން ދެ ނުކުތާއެއް ސުޕްރީމް ކޯޓަށް ހުށަހަޅާފައިވެއެވެ.
ފުރަތަމަ ނުކުތާއަކީ: މ. ޔުޒުނީގައި ކޮށްފައިވާ ޢިމާރާތުގެ އެންމެ މަތީގެ 02 (ދޭއް) ފަންގިފިލާގެ އަގު ލިބިފައި ނުވާކަމަށްބުނެ ޙަސަން ޢަލީދީދީގެ ފަރާތުން އިސްތިއުނާފުކުރި ނުކުތާގެ ޙަޤީޤަތަށް ބެލުމެއް ނެތި މައްސަލަ ނިންމާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
ދެވަނަ ނުކުތާއަކީ: ޢިމާރާތްކުރުމަށް ދިޔަ ޚަރަދު އިސްތިއުނާފު ރައްދުވާ ފަރާތަށް ލިބެންޖެހޭ ކަމަށް ދަށުކޯޓުން ބެލި އަސާސް ކަމުގައިވާ 15 މެއި 2005 ގައި ދެފަރާތުންވެފައިވާ ކަމަށްބުނާ އެއްބަސްވުމުގައި ބަޔާންކުރާގޮތާ ޚިލާފަށް އިސްތިއުނާފް ރައްދުވާ ފަރާތަށް އިމާރާތުގެ މަތީ ދެ ފަންގިފިލާގެ އަގުގެ ގޮތުގައި ޝަރީޢަތަށް ސާބިތުވާ މިންވަރެއް އިސްތިއުނާފު ރައްދުވާ ފަރާތަށް ލިބިދިނުމަށް އަންގައި ހައިކޯޓުން މައްސަލަ ނިންމާފައިވާ ކަމަށްބުނެ ހުށަހެޅި ނުކުތާއެވެ.
ސުޕްރީމް ކޯޓުން ގޮތެއް ނިންމަންޖެހޭ ކަމަކީ ކޮބައިކަން
ޢާމިރު ޔޫސުފް ގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ދެ އިސްތިއުނާފުގައި ބަޔާންކުރާ މައިގަނޑު ނުކުތާތަކަކީ، ދަށު ކޯޓާއި ހައިކޯޓަށް ހުށަހެޅި ކަންތައްތަކަށް ރިޢާޔަތްކޮށްފައި ނުވުމާއި، ޙަސަން ޢަލީދީދީ ދަށު ކޯޓަށް ހުށަހެޅި މ. ޔުޒުނީ އެވެކިޔާ ގޯތީގައި ޢިމާރަތްކުރުމަށާއި ކުއްޔަށްދިނުމަށް ޑްރާފްޓުކޮށްފައިވާ އެއްބަސްވުމަށް ރިޢާޔަތްކޮށްފައި ނުވުމުގެ މައްޗަށެވެ.
މ. ޔުޒްނީގައި 06 (ހައެއް) ބުރީގެ ޢިމާރާތެއް ހަދާފައި އެބަހުއްޓެވެ. އިމާރާތް ކުރުމުގެ ހުރިހާ މަސައްކަތެއް ކުރީ ޙަސަން ޢަލީދީދީ ކަމާމެދު ދެފަރާތުގެ ދެމެދުގައި ދެބަސްވުމެއް ނެތެވެ. ދެބަސްވުމެއް އޮތީ އިމާރާތްކުރުމަށް ޚަރަދުކުރި ފަރާތާމެދުގައެވެ. ޙަސަން ޢަލީދީދީ ސުޕްރީމް ކޯޓުގައި ބުނެފައިވަނީ މުޅި ޢިމާރާތް ހަދާފައިވަނީ އޭނާގެ އަމިއްލަ ތަކެތީގައި އޭނާގެ ޚަރަދުގައެވެ. ޢާމިރު ޔޫސުފް ބުނެފައިވަނީ ޢިމާރާތް ހަދަން ފަށާފައިވަނީ އޭނާ ތަކެއްޗާއި ފައިސާ ދީގެންކަމަށާއި ފަހުން ޢިމާރާތް ނިންމާފައިވަނީ އޭނާ ލޯނެއް ނަގައިގެން ކަމަށެވެ. ދަށުކޯޓާއި ހައިކޯޓުން ނިންމާފައިވަނީ ޢިމާރާތް ކޮށްފައިވަނީ ޙަސަން ޢަލީދީދީގެ އަމިއްލަ ތަކެތީގައި އޭނާގެ ޚަރަދުގައި ކަމަށެވެ.
އެހެންކަމުން، ދިވެހިރާއްޖޭގެ ހައިކޯޓުން ނަންބަރު 2017/HC-A/17 ޤަޟިއްޔާ އިސްތިއުނާފު ކުރެވިގެން ބެލުނު މިކޯޓުގެ ނަންބަރު 2020/SC-A/81 ޤަޟިއްޔާ އާއި އަދި ހައިކޯޓުގެ ނަންބަރު 2016/HCA/563 ޤަޟިއްޔާ އިސްތިއުނާފު ކުރެވިގެން ބެލުނު މިކޯޓުގެ ނަންބަރު 2019/SC-A/20 ޤަޟިއްޔާގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ގޮތެއް ނިންމަން މިޖެހެނީ އިމާރާތް ކުރުމަށް ޚަރަދުކުރީ ކޮން ފަރާތެއްކަމާމެދުގައެވެ.
މ.ޔުޒުނީ އެވެކިޔާ ގޯތީގައި ޢިމާރަތްކުރުމަށާއި ކުއްޔަށްދިނުމަށް ޑްރާފްޓުކޮށްފައިވާ އެއްބަސްވުން
މިމައްސަލައިގައި ދެފަރާތުގެ ދެމެދުގައި ލިޔުމުންވެފައިވާ ސާފު އެއްބަސްވުމެއް ނެތެވެ. ހަމައެކަނި ހުށަހެޅިފައިވާ ލިޔުންތަކުން ފެންނަން އޮތީ، ޙަސަން ޢަލީދީދީގެ ފަރާތުން ސިވިލް ކޯޓަށް ދަޢުވާއާއެކު އޭނާ ހުށަހެޅި، މ. ޔުޒުނީ އެވެކިޔާ ގޯތީގައި ޢިމާރަތްކުރުމަށާއި ކުއްޔަށްދިނުމަށް ޑްރާފްޓުކޮށްފައިވާ އެއްބަސްވުން (މީގެފަހުން "ޙަސަން ޢަލީދީދީ ދަޢުވާއާއެކު ހުށަހެޅި ލިޔުން" ކަމަށް ބުނެފައިވާ) ލިޔުމެވެ. ނަމަވެސް މި ޑްރާފްޓަށް ޢާމިރު ޔޫސުފް އިންކާރު ކުރާކަމަށް ސިވިލް ކޯޓުގައި ބުނެފައިވެއެވެ.
ޢާމިރު ޔޫސުފް އެ ޑްރާފްޓް އެއްބަސްވުމަށް އިންކާރުކުރާކަމަށް ދަށު ކޯޓުގައި ބުނެފައިވިޔަސް، ދިވެހިރާއްޖޭގެ ހައިކޯޓާއި، އަދި ފަހުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އޭނާގެ ފަރާތުން ހުށަހެޅި އިސްތިއުނާފު ބިނާ ކުރާ އެއް ނުކުތާ އަކީ އެ ޑްރާފްޓު އެއްބަސްވުމުގެ މައްޗަށް ބިނާކޮށް ގެއްލިފައިވާ މަސްލަޙަތުތަށް ހޯދުމަށްކަން ފާހަގަ ކުރަމެވެ.
މިގޮތުން، އިމާރާތް ހެދުމުގެ މުޤާބިލުގައި ޢިމާރާތުގެ 02 (ދޭއް) ފަންގިފިލާ ޙަސަން ޢަލީދީދީއަށް 15 (ފަނަރަ) އަހަރު ދުވަހަށް ދިނުމަށްޓަކައި ޑްރާފްޓުކޮށްފައިވާ އެއްބަސްވުމުގައި ބަޔާންވެގެންވާ ތަންކޮޅަށް ދަށު ކޯޓާއި ހައިކޯޓުން މައްސަލަ ނިންމިއިރު ރިޢާޔަތްކޮށްފައިވާއިރު، އެ ޑްރާފްޓް އެއްބަސްވުމުގައި އިމާރާތްކުރުމަށް ޚަރަދުކުރާ ގޮތާމެދު ބަޔާންވެގެންވާ ވާހަކަތަކަށް ހައިކޯޓާއި ދަށު ކޯޓުންވެސް ރިޢާޔަތްކޮށްފައި ނުވާކަމަށް ޢާމިރު ޔޫސުފްގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ އިސްތިއުނާފީ ފުރަތަމަ ނުކުތާގެ ތަފްޞީލުގައި ބަޔާންކޮށްފައިވެއެވެ.
މ.ޔުޒުނީ އެވެކިޔާ ގޯތީގައި ޢިމާރަތްކުރުމަށާއި ކުއްޔަށްދިނުމަށް ޑްރާފްޓުކޮށްފައިވާ އެއްބަސްވުމުގެ އެއްވަނަ މާއްދާއާއި ދެވަނަ މާއްދާގައި ބަޔާންވެގެންވަނީ ތިރީގައިވާ ޢިބާރާތެވެ.
އިމާރާތުގެ ފައުންޑޭޝަނުން ފެށިގެން ފުރަތަމަ ފަންގިފިލާގެ ކޮންކްރީޓްޝީޓާއި ހަމަޔަށް ހިނގާ ހުރިހާ ޚަރަދެއް ކުރާނީ ކުށްޔަށް ހިފާ ފަރާތުންނެވެ. މީގެ ބަދަލުގައި ކުށްޔަށް ދޭފަރާތުން ކުށްޔަށް ހިފާ ފަރާތަށް އިތުރު ކުއްޔަކާއި ނުލައި 15 އަހަރުގެ މުއްދަތަށް އިމާރާތުގެ ދެބައި ދޭންވާނެއެވެ.
ފުރަތަމަ ފަންގިފިލާގެ ކޮންކްރީޓްޝީޓް އިން ފެށިގެން މައްޗަށް ހުރި ހުރިހާ ބައެއް ނިންމުމަށް ހިނގާ ޚަރަދު ހޯދާނީ ކުއްޔަށް ދޭފަރާތުންނެވެ. އަދި މިމަސައްކަތް ކުރުމުގެ ހުރިހާ އިންތިޒާމެއް ހަމަޖައްސާނީ ކުއްޔަށް ހިފާ ފަރާތުގެ ބެލުމުގެ ދަށުންނެވެ.
މަތީގައި ކުއްޔަށްދޭ ފަރާތް ކަމަށް އެބުނަނީ ޢާމިރު ޔޫސުފް އަށެވެ. ކުއްޔަށް ހިފާ ފަރާތްކަމަށް އެބުނަނީ ޙަސަން ޢަލީދީދީ އަށެވެ. ދަޢުވާއާއެކު ޙަސަން ޢަލީދީދީ މި ޑްރާފްޓު ހުށަހެޅި ނަމަވެސް، ސިވިލް ކޯޓާއި ހައިކޯޓުގެ ޝަރީޢަތުގައިވެސް ޙަސަން ޢަލީދީދީ ބުނެފައިވަނީ މުޅި ޢިމާރާތް ހަދާފައިވަނީ އޭނާގެ އަމިއްލަ ތަކެތީގައި އޭނާގެ ޚަރަދުގައި ކަމަށެވެ.
ޙަސަން ޢަލީދީދީ ދަޢުވާއާއެކު ހުށަހެޅި ލިޔުމަކީ، ޑްރާފްޓް އެއްބަސްވުމެއް ކަމަށްވިޔަސް ދެފަރާތް ދެމެދުގައި މިހާރު މިއޮތް ދެބަސްވުން ނިމުމަކަށް ގެނައުމަށްޓަކައި މި ލިޔުމަށް ބުރަދަނެއް ދޭންޖެހޭކަމަށް އަންނަނިވި ސަބަބުތަކަށްޓަކައި އަހުރެން ދެކެމެވެ.
ފުރަތަމަ ކަމަކީ، ޙަސަން ޢަލީދީދީގެ ފަރާތުން ސިވިލް ކޯޓަށް ދަޢުވާ ހުށަހެޅިއިރު ދަޢުވާ ފޯމާއެކު މި ލިޔުން ހުށަހެޅިކަމާއި، މި ލިޔުމަކީ ޢިމާރާތްކޮށް ނިމެން އުޅެނިކޮށް ޢާމިރު ޔޫސުފް އެދިގެން ޢާމިރު ޔޫސުފް ބުނިގޮތަށް ޙަސަން ޢަލީދީދީ ތައްޔާރުކުރި ލިޔުމެއްކަމަށާއި، ނަމަވެސް އިމާރާތް ފެންނަން ހުރުމުން ޢާމިރު ޔޫސުފްގެ ޚިޔާލު ބަދަލުވުމުގެ ނަތީޖާއެއްގެ ގޮތުން އެ ލިޔުން އެއްބަސްވުމެއްގެ ގޮތުގައި ވުޖޫދަށް ނުގެނެވުނީކަމަށް ދަޢުވާ ފޯމުގައި ދަޢުވާގެ ތަފްޞީލުގެ ފުރަތަމަ ޕެރެގެރާފްގައި ޙަސަން ޢަލީދީދީ ބަޔާން ކޮށްފައިވާކަން؛
ދެވަނަ ކަމަކީ، ދަޢުވާއާއެކު ޙަސަން ޢަލީދީދީ ހުށަހެޅި މި ލިޔުމަކީ އިމާރާތް ހަދައި ނިމެން އުޅެނިކޮށް ޙަސަން ޢަލީދީދީ ތައްޔާރުކުރި ލިޔުމެއްކަމަށް ޙަސަން ޢަލީދީދީ ދަޢުވާ ފޯމުގައި ބުނެފައި އޮތުމުން، މި ލިޔުމުގައި ބުނެފައިވާ ވާހަކަތަކަކީ މި މުޢާމަލާތުގައި ކަންހިނގާދިޔަ ގޮތާމެދު ޙަސަން ޢަލީދީދީ ވެފައިވާ އިޤުރާރެއް ނުވަތަ ޙަސަން ޢަލީދީދީ ދީފައިވާ ބަޔާނެއް ކަމަށް ބެލެވޭކަން.
ތިންވަނަ ކަމަކީ، މި ލިޔުމަކީ ޢިމާރާތް ހަދައިނިމެން ކައިރިވެފައި ހުއްޓާ ޙަސަން ޢަލީދީދީ ލިޔުނު ލިޔުމެއްކަމަށްވާއިރު، އިމާރާތް ހެދުމަށް ޚަރަދުކުރި ގޮތާމެދު މިލިޔުމުގައި ޙަސަން ޢަލީދީދީ ލިޔާނީ އެކަމުގައި ދެފަރާތުގެ ދެމެދުގައި ކަންހިނގި ގޮތަށްކަމަށް ބެލުމުގެ ޖާގަ އޮތްކަން؛
ހަތަރުވަނަ ކަމަކީ، ދަޢުވާއާއެކު ޙަސަން ޢަލީދީދީ ހުށަހެޅި މި ލިޔުމަކީ އިމާރާތް ހަދައި ނިމެންއުޅެނިކޮށް ޙަސަން ޢަލީދީދީ ތައްޔާރުކުރި ލިޔުމެއްކަމަށް ޙަސަން ޢަލީދީދީ ދަޢުވާ ފޯމުގައި ބަޔާންކޮށްފައިވާއިރު، އިމާރާތް ހަދައިނިމެން ކައިރިވެފައި އޮއްވައި، އިމާރާތަށް ޚަރަދުކުރި ގޮތާމެދު ކަންހިނގިގޮތާ ޚިލާފަށް މިލިޔުމުގައި ޙަސަން ޢަލީދީދީ ލިޔަންޖެހުނު ސަބަބެއް ޙަސަން ޢަލީދީދީއަށް ބުނެދެވިފައި ނުވާކަން؛
ފަސްވަނަ ކަމަކީ، ޙަސަން ޢަލީދީދީ ގެ ފަރާތުން ދަޢުވާއާއެކު ހުށަހެޅި މި ލިޔުމުގައި އިމާރާތް ހެދުމަށް ޚަރަދު ކުރި ގޮތާމެދު ބަޔާންވެގެންވާ ވާހަކަތައް، ސިވިލް ކޯޓުގެ ޝަރީޢަތުގައި އަދި ހައިކޯޓުގެ ޝަރީޢަތުގައި ފާހަގަކޮށް ރިޢާޔަތްކޮށްދިނުމަށް އެދިފައިވުމާއި، އަދި އިސްވެ ދެންނެވުނު ފަދައިން ސުޕްރީމް ކޯޓުގައި އިސްތިއުނާފީ ނުކުތާއެއްގެ ގޮތުގައި ވެސް އެފަދައިން ޢާމިރު ޔޫސުފްގެ ފަރާތުން ހުށަހަޅާފައިވާތީ، އެލިޔުމުގައި ބަޔާންކޮށްފައި އެވަނީ މިމުޢާމަލާތުގައި ދެފަރާތުގެ ދެމެދު ކަންހިނގި ގޮތްކަމަށް ބެލުމުގެ ޖާގައޮތްކަން؛
ބަޔާންވެދިޔަ ކަންކަމަށް ރިޢާޔަތްކޮށް ބަލާއިރު، ޙަސަން ޢަލީދީދީ ދަޢުވާއާއެކު ހުށަހެޅި މި ލިޔުމަކީ ޢިމާރާތް ހެދުމުގެ ޚަރަދާމެދު ގޮތެއް ނިންމުމުގައި ރިޢާޔަތް ކުރަންޖެހޭނެ ލިޔުމެއް ކަމަށް އަހުރެންނަށް ބުރަވެވޭއިރު، މިމުޢާމަލާތުގައި ޚަރަދުކުރުމަށް ދެފަރާތުން އެއްބަސްވިގޮތް ބަޔާންކޮށްފައިވަނީ އެލިޔުމުގައި ކަމަށް އަހުރެން ދެކެމެވެ. މިގޮތުން، އިމާރާތުގެ ފައުންޑޭޝަނުން ފެށިގެން ފުރަތަމަ ފަންގިފިލާގެ ކޮންކްރީޓްޝީޓާ ހަމައަށް ހިނގާ ހުރިހާ ޚަރަދެއް ކުރާނީ ޙަސަން ޢަލީދީދީ ކަމާއި އަދި ފުރަތަމަ ފަންގިފިލާގެ ކޮންކްރީޓްޝީޓުން ފެށިގެން މައްޗަށް ހުރި ހުރިހާ ބައެއް ނިންމުމަށް ހިނގާ ޚަރަދު ހޯދާނީ ޢާމިރު ޔޫސުފް ކަމަށް ދެފަރާތުން އެއްބަސްވެފައިވާކަން ދޭހަ ވެއެވެ.
ވުމާއެކު، ޢިމާރާތް ހެދުމުގެ ޚަރަދާމެދު ގޮތެއް ނިންމުމުގައި އެލިޔުމުގައި ބަޔާންކޮށްފައިވާ ގޮތާ ޚިލާފަށް އެދޭނަމަ، އެފަދައިން އެކަމެއް ހިނގިކަން އެހެންބުނާ ފަރާތަކުން ސާބިތުކޮށްދޭން ޖެހޭނެކަމަށް އަހުރެން ދެކެމެވެ.
ހެކި ވަޒަންކުރިގޮތާމެދު ސުވާލު އުފައްދާފައިވުން
ފައުންޑޭޝަނުން ފެށިގެން ޢިމާރާތް މުޅިން އެއްކޮށް ނިންމާފައިވަނީ ޙަސަން ޢަލީދީދީގެ ޚަރަދުގައިކަން ސާބިތުކުރުމަށް ޙަސަން ޢަލީދީދީގެ ފަރާތުން ހުށަހެޅި ތިން ހެއްކެއްގެ ހެކިބަސް ސިވިލް ކޯޓުގައި ނަގާފައިވެއެވެ. އަދި ހަމައެހެންމެ ޢާމިރު ޔޫސުފް ފައިސާއާއި ތަކެތި ދިންކަމާއި، ޢިމާރާތުގެ ނިމިފައިވާ ބައި ރަހުނުކޮށްގެން ޢާމިރު ޔޫސުފް ބޭންކް އޮފް މޯލްޑިވްސް އިން ނަގާފައިވާ ލޯނުގެ ފައިސާ ޙަސަން ޢަލީދީދީއާ ޙަވާލުކުރިކަން ސާބިތުކުރުމަށް ޢާމިރު ޔޫސުފްގެ ފަރާތުން ވެސް ހުށަހެޅި ތިން ހެއްކެއްގެ ހެކިބަސް ސިވިލް ކޯޓުގައި ނަގާފައިވެއެވެ.
ޙަސަން ޢަލީދީދީ ހުށަހެޅި ހެކިންގެ ހެކިބަސް
ޙަސަން ޢަލީދީދީ ގެ ފަރާތުން ހުށަހެޅި ހެކިންގެ ހެކިބަހަށް ބަލާއިރު؛
ޏ. ފުވައްމުލައް، ފުނަމާގެ، އަޙްމަދު އިރްފާން ޢަލީގެ ހެކިބަހަށް ބަލާއިރު، އޭނާއަކީ ޙަސަން ޢަލީދީދީގެ ތިމާގެ މީހެއްކަމަށާއި، ޢިމާރާތް ހަދަމުން ދިޔައިރު އޭނާއަކީ އެތާގައި ދިރިއުޅެމުންދިޔަ މީހެއްކަމަށާއި، އޭނާ މަސައްކަތް ކުރަމުންދިޔައީ ޙަސަން ޢަލީދީދީގެ އޮފީހުގައި ކަމަށާއި، އިމާރާތް ހެދުމުގެ ހުރިހާ މަސައްކަތެއް ކުރީ ޙަސަން ޢަލީދީދީކަން އޭނާއަށް އެގޭ ކަމަށާއި، އިމާރާތް ހެދުމަށް ޙަސަން ޢަލީދީދީ ޚަރަދުކުރިކަން އޭނާއަށް އެނގޭ ކަމަށާއި، ކުރީ ކިހާވަރެއްގެ ޚަރަދެއްކަން އޭނާއަށް ނޭނގޭކަމަށް ބުނެފައިވާކަން ފާހަގަކުރެވެއެވެ.
ގ. މާލޭހިޔާ 1-01-18، މުސްތަފާ މުޙައްމަދު ފުޅުގެ ހެކިބަހަށް ބަލާއިރު، އޭނާއަކީ ޙަސަން ޢަލީދީދީގެ އޮފީހުގައި މަސައްކަތްކުރި މީހެއްކަމަށާއި، އެ އިމާރާތް ހެދީ ޙަސަން ޢަލީދީދީގެ އަމިއްލަ ޚަރަދުގައި ކަމަށް ބުނެ ހެކިބަސް ދީފައިވާކަން ފާހަގަކުރެވެއެވެ.
ބަންގްލަދޭޝްގެ ރައްޔިތެއްކަމަށްވާ ޢަބްދުލް ޙަމީދުގެ ހެކިބަހަށް ބަލާއިރު، އޭނާއަކީ ޙަސަން ޢަލީދީދީ ކައިރީ މަސައްކަތްކުރާ މީހެއްކަމަށާއި، އިމާރާތް ހެދުމުގެ ހުރިހާ މަސައްކަތެއް ކުރީ ޙަސަން ޢަލީދީދީ ކަމަށާއި، އިމާރާތް ހެދުމަށް ބޭނުންވާ މުދާ ޙަސަން ޢަލީދީދީ ގަންނަކަން އޭނާއަށް އެގޭކަމަށާއި، ޚަރަދުކުރި މިންވަރަކީ ކޮބައިކަން އޭނާއަށް ނޭނގޭ ކަމަށް ބުނެފައިވާކަން ފާހަގަވެއެވެ.
ޙަސަން ޢަލީދީދީ ފަރާތުން ހުށަހަޅާފައިވާ ހެކިންގެ ހެކިބަހުން މުޅި ޢިމާރާތަށް ޙަސަން ޢަލީދީދީ ޚަރަދު ކުރިކަން ކަށަވަރު ނުވާކަން ފާހަގަކުރަމެވެ. އަދި ޚަރަދު ކުރި މިންވަރެއް ވެސް ސާފުނުވާކަން ފާހަގަކުރަމެވެ.
ޢާމިރު ޔޫސުފުގެ ފަރާތުން ހުށަހެޅި ހެކިންގެ ހެކިބަސް
ޢާމިރު ޔޫސުފްގެ ފަރާތުން ހުށަހެޅި ހެކިންގެ ހެކިބަހަށް ބަލާއިރު އަންނިވި ކަންކަން ފާހަގަކުރެވެއެވެ.
މ. ޏަމްޏަމްގެ، އިސްމާޢީލް ޝަރީފްގެ ހެކިބަހަށް ބަލާއިރު، އޭނާއަކީ ޢާމިރު ޔޫސުފަށް ބޮޑުބޭބެ ކިޔާ މީހެއްކަމަށާއި، އޭނާގެ ބައްޕަ ޢާމިރު ޔޫސުފް އަށް 3 ލޮރީގެ ހިލަވެއްޔާއި ކޮންކްރީޓް މެޝިނެއް ދިންކަމަށާއި ގެ ހެދުމަށްޓަކައި ޢާމިރު ޔޫސުފް ލޯނު ނެގިކަމަށް ބުނެ ހެކިބަސްދީފައިވާކަން ފާހަގަކުރެވެއެވެ.
ދ. ކުޑަހުވަދޫ، ކަނދުގަސްދޮށުގެ، ޢަލީ ޝިފާޢު މުޙައްމަދުގެ ހެކިބަހަށް ބަލާއިރު، އޭނާއަކީ ޢާމިރުގެ ގޭގައި ކުއްޔަށް އުޅުނު މީހެއްކަމަށާއި، ކުލި ކުޑަކޮށް ނުދެވެނީ ލޯނެއް ނަގައިގެން އުޅޭތީ ކަމަށާއި، ލޯނު ދައްކައިނިމުމުން ކުލި ކުޑަކޮށްދޭނެކަމަށް ޢާމިރު ޔޫސުފް ބުނިކަމަށް އޭނާ ހެކިބަސް ދީފައިވާކަން ފާހަގަކުރެވެއެވެ.
މ. ޗިޅިޔާގެ، އަޙްމަދު ޝާހިދުގެ ހެކިބަހަށް ބަލާއިރު، ޢާމިރު ޔޫސުފަށް ލޯނުގެ ފައިސާ ޖަމާވުމުން އެފައިސާ ބޭންކުން ނަގައިގެން ޙަސަން ޢަލީދީދީއާ ޙަވާލުކުރުމަށް ޢާމިރު ޔޫސުފް ދިޔައިރު އޭނާވެސް ދިޔަކަމަށާއި، އޭނާހުރީ ބޭރުގައި ކަމަށާއި، ފައިސާ ދިންތަން އޭނާ ނުދެކޭ ކަމަށާއި، ފައިސާ ދިންކަން އޭނާއަށް އެނގޭކަމަށް ބުނެފައިވާކަން ފާހަގަކުރެވެއެވެ.
ހެކިންގެ ހެކިބަހުން ޢާމިރު ޔޫސުފް ސާބިތުކުރަން ބޭނުންވި ކަމަކީ ޢިމާރާތް ހެދުމަށް ޚަރަދު ކުރީ އޭނާކަމާއި، އޭނާ ބައެއް ސާމާނާއި ތަކެއްޗާއި ފައިސާ ދިންކަމާއި، ފަހުން ލޯނެއް ނަގައިގެން އެފައިސާއިން އިމާރާތުގެ މަސައްކަތްތައް ނިންމިކަމެވެ. ނަމަވެސް ޢާމިރު ޔޫސުފް ހުށަހަޅާފައިވާ ހެކިންގެ ހެކިބަހުންނާއި ނަގާފައިވާ ލޯނުގެ މައްޗަށް ބިނާކޮށް ޢިމާރާތް ކުރުމަށްޓަކައި އޭނާ ޚަރަދުތަކެއް ކޮށްފައިވާކަން ދޭހަ ވާހިނދު، މުޅި ޢިމާރާތަށް ޚަރަދުކުރީ ޙަސަން ޢަލީދީދީ ނޫންކަން ބުނުމުގެ ފުރުސަތު ބޮޑެވެ.
ޚަރަދުކުރި މިންވަރު އަލުން ވަޒަން ކުރަންޖެހޭކަމަށް ކަނޑައެޅުން
ބަޔާންވެދިޔަ ކަންކަން އެހެން ހުރުމުން، މ. ޔުޒުނީ އެވެ ކިޔާ ގޯތީގައި ހަދާފައިވާ ޢިމާރާތަށް ޙަސަން ޢަލީދީދީ އާއި ޢާމިރު ޔޫސުފް ޚަރަދުކޮށްފައިވާ ކަން އެނގެއެވެ.
މި މިމުއާމަލާތުގައި، މުޅި ޢިމާރާތަށް ޚަރަދު ކޮށްފައިވަނީ ޙަސަން ޢަލީދީދީ ކަމަށް ކަނޑައަޅާފައިވަނީ ދަށު ކޯޓަށް ހުށަހެޅުނު ހުރިހާ ހެކިތަކަށް ރިޢާޔަތް ނުކުރެވި އަދި ހުށަހެޅުނު ހެކިތަކަށް އެކަށީގެންވާ ގޮތެއްގައި ވަޒަން ނުކުރެވިއެވެ.
މިގޮތުން، ދަޢުވާއާއެކު ޙަސަން ޢަލީދީދީ ސިވިލް ކޯޓަށް ހުށަހެޅި ލިޔުމަކީ ޢިމާރާތް ހެދުމަށް ޚަރަދުކުރި ގޮތާމެދު ގޮތެއް ނިންމުމުގައި ރިޢާޔަތްކުރަންޖެހޭ ލިޔުމެއް ކަމަށްވާއިރު، ސިވިލް ކޯޓާއި ހައިކޯޓުން އެކަމަށް ގޮތެއް ނިންމުމުގައި އެ ލިޔުމަށް ރިޢާޔަތް ކޮށްފައި ނުވާކަން ފާހަގަކުރެވެއެވެ.
ވުމާއެކު، ދަޢުވާއާއެކު ޙަސަން ޢަލީދީދީ ސިވިލް ކޯޓަށް ހުށަހެޅި އެލިޔުމާއި އަދި ހުށަހެޅިފައިވާ އެހެނިހެން ހެއްކާއި ލިޔެކިއުމަށް ރިޢާޔަތްކޮށް މިމައްސަލައިގައި އަލުން ހެކި ވަޒަންކޮށް ޙަސަން ޢަލީދީދީ އާއި ޢަމީރު ޔޫސުފް ޢިމާރަތް ކުރުމަށް ކުރި ޚަރަދުގެ މިންވަރު ކަނޑައަޅަން ޖެހޭކަމަށް އަހުރެން ދެކެމެވެ.
މައްސަލަ ނިންމަން ފެންނަގޮތް
ދަށުކޯޓާއި ހައިކޯޓުން ޙުކުމްކޮށްފައިވަނީ ޤާނޫނާއި ޢަމަލުކުރަމުން އަންނަ އުޞޫލުތަކާ ޚިލާފަށް ކަމަށްވާތީ، ހައިކޯޓުގެ ނަންބަރު 2017/HC-A/17 ޤަޟިއްޔާއާއި ހައިކޯޓުގެ ނަންބަރު 2016/HC-A/563 ޤަޟިއްޔާއާއި ސިވިލް ކޯޓުގެ ނަންބަރު 1203/Cv-C/2015 ޤަޟިއްޔާ އިން ނިންމާފައިވާ ނިންމުން ބާޠިލުކުރަންޖެހޭ ކަމަށް އަހުރެން ދެކެމެވެ.
މ. ޔުޒްނީގައި ހަދާފައިވާ ޢިމާރާތް ބިނާކުރުމަށް ޚަރަދުކުރި ގޮތާމެދު ގޮތެއް ނިންމުމުގައި ހުށަހެޅިފައިވާ ހެކިތަކާއި ލިޔުންތަކަށް ރިޢާޔަތް ކޮށްފައިނުވާތީ، އެކަންކަމަށް ރިޢާޔަތްކޮށް މި ރައުޔުގައި ބަޔާންކޮށްފައިވާ ކަންކަމުގެ އަލީގައި މިމައްސަލައިގައި އަލުން ހެކި ވަޒަންކޮށް ގޮތެއް ކަނޑައެޅުމަށް މިމައްސަލަ ސިވިލް ކޯޓަށް ތަޙްވީލު ކުރުމަށްޓަކައި، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނު ގެ 18 ވަނަ މާއްދާއާއި 19 ވަނަ މާއްދާގެ ދަށުން މި މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓަށް ތަހުވީލުކުރަން ޖެހޭކަމަށް އަހުރެން ދެކެމެވެ.
ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުގެ ރައުޔު
ހައިކޯޓުގެ ނަންބަރު 2017/HC-A/17 ޤަޟިއްޔާ
ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިން އިޝާރާތްކުރެއްވި ފަދައިން ހައިކޯޓުގެ ނަންބަރު 2017/HC-A/17 ޤަޟިއްޔާ އިސްތިއުނާފު ކުރަމުން ޢާމިރު ޔޫސުފްގެ ފަރާތުން ތިން ނުކުތާއެއް ސުޕްރީމް ކޯޓަށް ހުށަހަޅާފައިވެއެވެ.
ފުރަތަމަ ނުކުތާއަކީ އިސްތިއުނާފު ކުރެވުނު މައްސަލައިގެ ޙަޤީޤަތާ މެދު މައުޟޫޢީ ގޮތުން ރަނގަޅަށް ބަލައި އެކަށީގެންވާ މިންވަރަށް ރިޢާޔަތް ކުރުމަކާ ނުލައި މައްސަލަ ނިންމާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
ދެވަނަ ނުކުތާއަކީ މައްސަލައިގައި ހިމެނޭ ހެކިންގެ ހެކިބަސް ވަޒަންކުރުމުގައި އެއް މިންގަނޑެއް ބޭނުންކޮށްފައި ނުވާކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
ތިންވަނަ ނުކުތާއަކީ މ. ޔުޒުނީގައި ޢިމާރާތް ކުރުމަށް ބޭނުންވާ ތަކެތި ހޯދައި، މަސައްކަތަށް ޚަރަދުކޮށް، ޢިމާރާތް ނިންމުމަށްޓަކައި ލޯނެއް ނަގާފައިވީ ނަމަވެސް، އެ ކަންތައްތަކަށް ރިޢާޔަތް ކޮށްފައި ނުވާކަމަށްބުނެ ހުށަހެޅި ނުކުތާއެވެ.
ޝަރީޢަތުން ގޮތެއް ކަނޑައަޅަންޖެހޭ ކަންކަން
ހައިކޯޓުގެ ނަންބަރު 2017/HC-A/17 ޤަޟިއްޔާ އިސްތިއުނާފު ކުރަމުން ޢާމިރު ޔޫސުފްގެ ފަރާތުން ފާހަގަކޮށްފައިވާ ތިން ނުކުތާ އާއި އެ ތިން ނުކުތާގެ ތަފުސީލުގައި ސުޕްރީމް ކޯޓުގައި ދައްކާފައިވާ ވާހަކަތަކަށް ބަލާއިރު، އެ ނުކުތާތައް ދައުރުވަނީ މައިގަނޑު އެއްކަމެއްގެ މައްޗަށެވެ. މި މައްސަލައިގައި ހައިކޯޓުން ހެކި ވަޒަންކޮށްފައިވަނީ ރަނގަޅަށްކަން ނުވަތަ ނޫންކަމުގެ މައްޗަށެވެ.
ކަންމިހެން އޮތް ނަމަވެސް، ކޮންމެ އިސްތިއުނާފީ ނުކުތާއަކާ ގުޅިގެން ޢާމިރު ޔޫސުފްގެ ފަރާތުން ފާހަގަ ކޮށްފައިވާ ކަންކަމާ ގުޅިގެން އަހުރެންނަށް ފެންނަ ގޮތް ބަޔާންކުރަން ގަސްދުކުރަމެވެ.
ޙަޤީޤަތްތަކާމެދު މައުޟޫޢީ ގޮތުން އެކަށީގެންވާ މިންވަރަށް ރިޢާޔަތް ކުރިކަމާމެދު
އިސްތިއުނާފީ ފުރަތަމަ ނުކުތާގެ ތަފުސީލުގައި ޢާމިރު ޔޫސުފްގެ ފަރާތުން ބުނެފައިވަނީ އިސްތިއުނާފީ މި މައްސަލައިގެ ޙަޤީޤަތްތަކާ މެދު މައުޟޫޢީ ގޮތުން ރަނގަޅަށް ބަލައި އެކަށީގެންވާ މިންވަރަށް ރިޢާޔަތް ކުރުމަކާ ނުލައި މި މައްސަލަ ހައިކޯޓުން ނިންމާފައިވާ ކަމުގައެވެ. މި ނުކުތާ ފާހަގަކުރަމުން ޢާމިރު ޔޫސުފްގެ ފަރާތުން ބުނެފައިވަނީ މި މައްސަލައިގައި ވާހަކަދެކެވޭ ޢިމާރާތް ކޮށްފައިވަނީ އޭނާ ތަކެއްޗާއި އަގު ދީގެން ޙަސަން ޢަލީދީދީ ހިންގާ ކޮންސްޓްރަކްޝަން ވިޔަފާރިއެއްގެ ތެރެއިން ކަމުގައެވެ. ނަމަވެސް، މި ޢިމާރާތް ކޮށްފައިވަނީ ޙަސަން ޢަލީދީދީގެ ޚަރަދުގައި ކަމަށާއި، މި ފަދައިން ޢިމާރާތް ކޮށްފައިވަނީ ޢިމާރާތް ކުރުމަށްފަހު، ޢިމާރާތުގެ 02 (ދޭއް) ފްލޯ ޙަސަން ޢަލީދީދީއަށް 15 (ފަނަރަ) އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދިނުމަށް ދެ ފަރާތުން އެއްބަސްވެގެން ކަމުގައި ޙަސަން ޢަލީދީދީ ސިވިލް ކޯޓުގައި ބުނެފައިވާ ކަމުގައެވެ. އަދި މިކަން ސާބިތުކުރުމަށް "ޑްރާފްޓް އެގްރިމެންޓެއް" ސިވިލް ކޯޓަށް ހުށަހެޅި ކަމުގައެވެ. ސިވިލް ކޯޓަށް ހުށަހެޅި "ޑްރާފްޓް އެގްރިމެންޓް" އަކީ ޢާމިރު ޔޫސުފް ސޮއިކުރި އެއްޗެއް ނޫންކަމުގައި އާއި، ޢިމާރާތް ކުއްޔަށް ދިނުމަށް އެއްބަސްވެފައި ނުވާނެ ކަމުގައި އާއި، އެ ފަދަ އެއްބަސްވުމެއް ދެ ފަރާތުގެ ދެމެދުގައި ވެފައިނުވާނެ ކަމުގައި ޢާމިރު ޔޫސުފް ބުނެއެވެ. ކަންމިހެން ހުރިނަމަވެސް މިއީ ޞައްޙަ އެގްރިމެންޓެއް ކަމުގައި ކަނޑައަޅާފައިވާ ކަމުގައެވެ.
އިސްތިއުނާފީ ފުރަތަމަ ނުކުތާއާ ގުޅިގެން ޢާމިރު ޔޫސުފް ފާހަގަކުރާ ދެވަނަ ކަމަކީ، ޢިމާރާތް ކުރުމުގެ އަގެއްގެ ގޮތުގައި 2.1 މިލިއަން ރުފިޔާ ޙަސަން ޢަލީދީދީއަށް ނަގައިދީފައިވަނީ ކޮން އަސާސެއްގެ މައްޗަށް ބިނާކޮށްގެން ކަން ކޯޓުގެ ނިންމުމުން ސާފު ނުވާކަމުގައެވެ.
ޙަސަން ޢަލީދީދީގެ ފަރާތުން މި ނުކުތާގެ ޖަވާބުގައި ފާހަގަ ކޮށްފައިވަނީ، މި ނުކުތާގައި އަދި މި ނުކުތާގެ ތަފުސީލުގައި ޢާމިރު ޔޫސުފްގެ ފަރާތުން ދައްކާފައިވާ ވާހަކަތަކުގައި ހައިކޯޓުގެ ޙުކުމް ޤާނޫނާ ޚިލާފުވާ ސަބަބެއް ބުނެދީފައި ނުވާކަމުގައެވެ.
ހައިކޯޓުން ވާޤިޢާތައް ވަޒަންކުރިގޮތް
މައްސަލައިގައި ކަން ހިނގާފައިވާ ގޮތަށާއި، މައްސަލައިގެ ވާޤިޢާތަކަށް މައުޟޫޢީ ގޮތުން ރަނގަޅަށް ބަލާފައިނުވާކަމުގައި ބުނެ ސުޕްރީމް ކޯޓުގައި ޢާމިރު ޔޫސުފްގެ ފަރާތުން ފާހަގަ ކުރި ފުރަތަމަ ނުކުތާއަކީ، ޢާމިރު ޔޫސުފްގެ ފަރާތުން ހައިކޯޓުގައިވެސް ފާހަގަ ކުރި އިސްތިއުނާފީ ފުރަތަމަ ނުކުތާއެވެ.
އެ ނުކުތާއާމެދު ހައިކޯޓުން ފާހަގަ ކޮށްފައިވަނީ، ދަޢުވާ ސާބިތު ކޮށްދިނުމުގެ ބުރައަކީ ދަޢުވާ ކުރާ ފަރާތުގެ މަސްއޫލިއްޔަތެއް ކަމުގައިވާއިރު، ޙަސަން ޢަލީދީދީގެ ފަރާތުން ދަށުކޯޓުގައި ކޮށްފައިވާ ދަޢުވާ ސާބިތުކުރުމަށް ހުށަހަޅާފައިވަނީ ހަމައެކަނި "ޑްރާފްޓް އެގްރީމެންޓް" ނޫންކަމުގައެވެ. އޭގެ އިތުރުން ހެކިބަސް ދިން ހެކިންގެ ބަހާއި ދަޢުވާގެ ވާޤިއާ ބިނާވެގެންވާ " މ.ޔުޒުނީ" ގައި ކުރެވުނު ޢިމާރާތާއި އެ ޢިމާރާތާ ގުޅިގެން ޢާމިރު ޔޫސުފް އާއި ޙަސަން ޢަލީދީދީގެ ދެމެދުގައި ކުރެވިފައިވާ މުޢާމަލާތްތައް ދަޢުވާ ސާބިތު ކޮށްދިނުމުގެ ގޮތުން ޙަސަން ޢަލީދީދީގެ ފަރާތުން ސިވިލް ކޯޓަށް ހުށަހަޅާފައިވާ ކަމުގައެވެ. އަދި ސިވިލް ކޯޓަށް ހުށަހެޅުނު ހުރިހާ ކަމަކަށް އެ ކޯޓުން ރިޢާޔަތް ކޮށްފައިވާކަން، ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓާއި، އެ ރިޕޯޓާއެކު ހުށަހަޅާފައިވާ ލިޔުންތަކުންނާއި، ދެ ފަރާތުން ހައިކޯޓުގައި ދައްކާފައިވާ ވާހަކަތަކުން އެނގޭ ކަމުގައެވެ. އަދި މި ފަދައިން ފާހަގަ ކުރުމަށްފަހު ސިވިލް ކޯޓުން ރިޢާޔަތް ކުރި ކަންކަން ވަކިވަކިން ތަފުސީލުކޮށް ހައިކޯޓުގެ ނިންމުމުގައި ފާހަގަ ކޮށްފައިވެއެވެ. މި ގޮތުން އަންނަނިވި ކަންކަން ފާހަގަ ކުރަމެވެ.
ދަޢުވާގެ އަސްލަށް ޢާމިރު ޔޫސުފް ސިވިލް ކޯޓުގައި އިންކާރު ކޮށްފައިވާއިރު، ދަޢުވާ ސާބިތު ކުރުމަށް ޙަސަން ޢަލީދީދީ ހުށަހެޅި ޝަފަހީ ތިން ހެއްކަކު ޙަސަން ޢަލީދީދީއާ އެއްކޮޅަށް ހެކިބަސް ދީފައި އޮތް އޮތުން. މި ގޮތުން ގ. މާލެހިޔާ، 18-01-1، މުސްތަފާ މުޙައްމަދުފުޅުގެ ބަހުން، މ. ޔުޒުނީގައި ހަދާފައިވާ ޢިމާރާތް ހަދާފައިވަނީ މުސްތަފާ މުޙައްމަދުފުޅަށް އެނގިފައިވާ ގޮތުން ޙަސަން ޢަލީދީދީގެ ޚަރަދުގައި ކަމަށް ބުނެފައިވާއިރު، ޢަމަލީ ގޮތުން އެތަނުގައި މަސައްކަތް ކުރި ބަންގްލާދޭޝްގެ ރައްޔިތެއްކަމަށްވާ ޢަބްދުލްޙަމީދު ހެކިބަހުގައި، ޙަސަން ޢަލީދީދީ އަކީ ކޮމްޕެނީގެ ބޮސްކަމަށާއި ފައުންޑޭޝަނުން ފެށިގެން ޢިމާރާތް ނިންމީ ވެސް ކޮމްޕެނީން ކަމަށާއި ޚަރަދުކުރީ ބޮސް ކަމަށް ބުނެފައިވާއިރު، ހެކިބަސް ދިން ޏ. ފުވައްމުލައް، ފުނާޑު. ފުނަމާގެ އަޙްމަދު އިރުފާން ޢަލީގެ ހެކިބަހުގައި، މ. ޔުޒުނީ ގައި ކުރެވުނު ޢިމާރާތުގެ ޚަރަދާއި މަސައްކަތް ކުރަމުން ދިޔައީ ޙަސަން ޢަލީދީދީ ކަމަށް ބުނެފައިވާ ކަމާއި އެކަންކަން އެނގެނީ މ. ޔުޒުނީގައި މަސައްކަތް ކުރިއިރު އެތަނުގެ ތިރީގައި އުޅެމުން ދިއުމުގެ އިތުރުން، ޙަސަން ޢަލީދީދީގެ އޮފީހުގައި އެދުވަސްވަރު މަސައްކަތް ކުރުމުން ކަމަށް ބުނެފައިވާކަން ހައިކޯޓުގެ ނިންމުމުން އެނގެއެވެ.
ޝަފަހީ ހެކިންގެ ހެކިބަސް ފާހަގަ ކުރުމަށް ފަހު އެ ހެކިންގެ ހެކިބަހަށް ބާރުލިބޭ ޤަރީނާތައް ހައިކޯޓުން ފާހަގަ ކޮށްފައިވެއެވެ. މި ޤަރީނާތަކަކީ ވެސް، ޙަސަން ޢަލީދީދީގެ ފަރާތުން ސިވިލް ކޯޓަށް ހުށަހަޅާފައިވާ ލިޔެކިޔުންތަކެކެވެ. މި ގޮތުން އަންނަނިވި ކަންކަން ހައިކޯޓުން ފާހަގަ ކޮށްފައިވެއެވެ.
ޙަސަން ޢަލީދީދީގެ ފަރާތުން ހުށަހަޅާފައިވާ މ. ޔުޒުނީގެ ތިންވަނަ ބުރި (ސެކަންޑް ފްލޯ) ކުއްޔަށް ދޫކުރުމުގެ އެއްބަސްވުމަށް ބަލާއިރު 21 ނޮވެންބަރު 2005 ގައި ލިޔެ، ކުއްޔަށް ދޫކުރާ ފަރާތުގެ ގޮތުގައި ޙަސަން ޢަލީދީދީ އަދި ކުއްޔަށް ހިފާ ފަރާތުގެ ގޮތުގައި ދަފްތަރު ނަންބަރު 6918 / އަޙްމަދު ޙަނީފް ސޮއިކޮށްފައިވާ އެއްބަސްވުމުގައި، ކުއްޔަށް ހިފި ތާރީޚަކީ 01 ޖެނުއަރީ 2006 ކަމާއި، ކުއްޔަށް ދިންތަނަކީ މ. ޔުޒުނީ ތިންވަނަ ބުރި (ސެކަންޑް ފްލޯ) ކަމާއި މި އެގްރީމަންޓްގައި ސޮއިކުރިއިރު، އަދި އެތަނުގެ މަސައްކަތް ނުނިމޭކަން އެ އެއްބަސްވުމުގެ 02 ވަނަ މާއްދާގެ (ނ) ގައި އޮތް "ކުއްޔަށް ހިފިފަރާތަށް 01 ޖެނުއަރީ 2006 މ. ވަނަދުވަހުގެ ކުރިން މި އެއްބަސްވުމުގައި ބުނާ އެޕާރޓްމަންޓް ކޮމްޕްލީޓް ކުރުމަށްފަހު ޙަވާލު ކުރުން." މިހެން އޮތް ޢިބާރާތުން އެނގެން އޮތްއިރު، މިއެއްބަސްވުމުގައި ޢިމާރާތުގެ ވެރިފަރާތުގެ ހައިސިއްޔަތުން ސޮއިކޮށްފައިވަނީ ޢާމިރު ޔޫސުފް ކަމާއި މިކަމަށް ޢާމިރު ޔޫސުފް އިންކާރު ކޮށްފައި ނެތްކަން.
ޙަސަން ޢަލީދީދީ އާއި، އަޙްމަދު ހަނީފާ ދެމެދު މ. ޔުޒުނީ ތިންވަނަ ބުރި (ސެކަންޑް ފްލޯ) ކުއްޔަށް ދިނުމަށް އެއްބަސްވުމެއް ވެފައިވަނިކޮށް، ހަމަ އެ ފްލޯ ޢާމިރު ޔޫސުފްގެ ފަރާތުން 01 އޭޕްރިލް 2006 އިން ފެށިގެން ޙަސަން ޢަލީދީދީއަށް ކުއްޔަށް ދިނުމަށް 15 މާރޗް 2006 ގައި އެ ދެ ފަރާތުގެ ދެމެދުގައި އެއްބަސްވުމެއްގައި ސޮއިކޮށްފައިވާއިރު، މި އެއްބަސްވުމަކީ، ޢާމިރު ޔޫސުފް ބޭންކް އޮފް މޯލްޑިވްސް އިން ލޯނެއް ނެގުމަށް މަގުފަހި ކުރުމުގެ ގޮތުން ހެދިފައިވާ އެއްބަސްވުމެއް ކަމުގައި ޙަސަން ޢަލީދީދީ ބުނާ ބުނުމަށް ބޭންކް އޮފް މޯލްޑިވްސް އިން 18 ޖޫން 2006 ގައި ޢާމިރު ޔޫސުފް އަށް ފޮނުވާފައިވާ ސެކްޝަން ސިޓީ އާއި، 09 ޖުލައި 2006 ގައި ވެފައިވާ ރަހުނު އެއްބަސްވުމުން ބާރުލިބޭކަން. އެހެނީ މި ދެ ލިޔުމުގައިވެސް އެ ތާރީޚު ތަކުގައި މ. ޔުޒުނީގައި 1.5 މިލިއަން ރުފިޔާގެ 04 (ހަތަރެއް) ބުރީގެ ޢިމާރާތެއް ހުރިކަމުގައި އާއި، އެ ޢިމާރާތް އެއްކޮށް ނިންމުމުން އެ ތަނުގެ އަގު 02 (ދޭއް) މިލިއަނަށް އަރާނެ ކަމުގައި ބަޔާންކޮށްފައިވާކަން.
ޢާމިރު ޔޫސުފް ބޭންކް އޮފް މޯލްޑިވްސް އިން ލޯނު ނެގީ ޙަސަން ޢަލީދީދީގެ "ޓްރޮޕިކަލް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް" ގެ ބީއޯކިއު ހުށަހަޅައިގެން ކަމުގައި ބުނެ ޢާމިރު ޔޫސުފް ހުށަހަޅާފައިވާ ބީއޯކިއު އަށް ބަލާއިރު، އެ ލިޔުން ތައްޔާރު ކޮށްފައިވަނީ، މ. ޔުޒުނީގައި ހުރި 04 (ހަތަރެއް) ބުރީގެ ޢިމާރާތެއްގައި ނުނިމި ހުރި މަސައްކަތް ކުރުމަށް 10 މާރޗް 2005 ގައި ކަން އެނގެން އޮތުމުން، ޢާމިރު ޔޫސުފް ނެގިކަމަށް ބުނާ ލޯނަކީ، މ.ޔުޒުނީގައި ޢިމާރާތްކުރަން ނެގި ލޯނެއް ނޫންކަމާއި އެލޯނަކީ، ލޯނަން އެދުނުއިރު މ. ޔުޒުނީގައި ހުރި 04 (ހަތަރެއް) ބުރީގެ ޢިމާރާތެއްގެ ނުނިމިހުރި މަސައްކަތް ނިންމުމުގެ ނަމުގައި ނެގި ލޯނެއްކަން.
މ. ޔުޒުނީގައި ޢިމާރާތް ކުރުމަށް ޢާމިރު ޔޫސުފް ނެގިކަމަށް ބުނާ ލޯނު ނެގުމުގެ ކުރިން ވެސް މ. ޔުޒުނީގައި 04 (ހަތަރެއް) ބުރީގެ ޢިމާރާތެއް ހުރިކަން އެނގޭއިރު، އެ ޢިމާރާތަކީ ޙަސަން ޢަލީދީދީ ކުރި ޢިމާރާތެއްކަން އޭނާ ހުށަހެޅި ހެކިންގެ ބަހުން ޝަރީޢަތަށް ޤަބޫލު ކުރެވޭ މިންވަރަށް ސާބިތުކޮށްދީފައިވާ ކަން އެނގެން އޮތްއިރު، އެކަން ނަފީކުރުމަށް ޢާމިރު ޔޫސުފްގެ ފަރާތުން ހުށަހެޅި ހެކިންގެ ބަހުން އެކަން ނަފީވެގެން ގޮސްފައިނުވާކަން. މި ގޮތުން، ޢާމިރު ޔޫސުފް ގެ ފަރާތުން ހުށަހަޅާފައިވާ ހެކި، މ. ޏަމްޏަމްގެ، އިސްމާޢީލް ޝަރީފްގެ ހެކިބަހުގައި ބުނެފައިވަނީ، މ. ޔުޒުނީގައި ހެދި ގެ ހަދަން ޢާމިރު ޔޫސުފް ތަކެތި ދިންކަން އޭނާއަށް އެނގޭ ކަމަށާއި ނަމަވެސް ދިން ހުރިހާ އެއްޗެއް ނޭނގޭ ކަމަށާއި އެނގޭ މިންވަރަކީ ތިން ލޮރީއެއްހާ ހިލަ އާއި ވެއްޔާއި އަދި ޢާމިރު ޔޫސުފް އެތަނުގައި އުދައްޔެއް ހިފައިގެން އުޅޭތީ ކޮންކްރީޓް މެޝިނެއް ދިންކަމަށާއި، އެއީ ގާތްގަޑަކަށް ދެލައްކައެއްހާ ރުފިޔާގެ ތަކެތި ކަމަށާއި ޢާމިރު އެޢިމާރާތަށް ޚަރަދު ކުރުމަށް ލޯނެއް ނެގިކަން އެނގޭ ކަމުގައިކަން. އަދި ޢާމިރު ގެ ފަރާތުން ހުށަހެޅި ހެކި، މ. ޗިޅިޔާގެ އަޙްމަދު ޝާހިދުގެ ހެކިބަހުން އެނގެން އޮތީ، މ. ޔުޒުނީ ހަދަން ރަޖިސްޓްރީ އާއި އެއްޗެހި ބާއްވާފައި ލޯނެއް ނެގިކަން އޭނާއަށް އެނގޭ ކަމަށާއި، އެލޯނު ފައިސާއިން 285,000/-ރ. (ދެ ލައްކަ އައްޑިހަފަހެއް ހާސް) ރުފިޔާ ހިފައިގެން ހަސަނާއި ޙަވާލު ކުރަން ޢާމިރުއާ އެއްކޮށް ދިޔައިން ކަމަށާއި، ޙަސަނަށް ޢިޝާރާތްކޮށް މިއީ ތިމަންނަގެ ގެ ހަދަން އުޅޭ މީހާކަމަށް ޢާމިރު ބުނިކަމަށާއި، އޭގެ ފަހުން ލޯނު ހަމަޖެހި، ފައިސާ ނަގައިގެން ދިޔައީ ކަމަށް ބުނެފައިވާކަން ފާހަގަ ކޮށްފައިވާކަން. އަދި މި ދެ ހެކިންގެ ހެކިބަހަށް ބަލައި، 1,500,000/-ރ. (އެއް މިލިއަން ފަސް ލައްކަ) ރުފިޔާގެ އަގު ހުރި ޢިމާރާތެއް، ތިން ލޮރީއެއްހައި ހިލަ އާއި ވެއްޔާއި ކޮންކުރީޓް މެޝިނަކުން ނިންމާ ނުލެވޭނެކަމާއި، އަޙްމަދު ޝާހިދުގެ ހެކިބަހުގައި އޭނާ އިޝާރާތް ކޮށްފައިވާ ލޯނަކީ މ. ޔުޒުނީގައި ފައުންޑޭޝަނުން ފެށިގެން 04 (ހަތަރެއް) ބުރީގެ އިމާރާތެއް އެޅިފަހުން ނަގާފައިވާ ލޯނެއްގެ ވާހަކަ ކަން.
ދެ ފަރާތުން މި ނުކުތާއާ ގުޅިގެން ދައްކާފައިވާ ވާހަކަތަކަށް ބަލާއިރު، ހައިކޯޓުން މައްސަލައިގެ ވާޤިޢާތައް ކަށަވަރު ކުރުމުގައި މައްސަލައިގައި ދަށު ކޯޓުގައި ހެކިބަސް ދީފައިވާ ޝަފަހީ ހެކިންގެ ހެކިބަހަށް ދޭން ނުޖެހޭ ބުރަދަނެއް ދީފައިވާކަން، ނުވަތަ އެ ހެކިބަހާ ގުޅުވައިލެވޭ އެހެނިހެން ޤަރީނާތަކަށް (ހުށަހެޅިފައިވާ ލިޔެކިޔުންތަކަށް) ދޭން ނުޖެހޭ ބުރަދަނެއް ދީފައިވާތީ އަހުރެންނަށް ފާހަގަ ނުކުރެވެއެވެ. ޢާމިރު ޔޫސުފްގެ ފަރާތުން ތަކުރާރުކޮށް، މ. ޔުޒުނީގައި ޢިމާރާތް ކުރުމަށް ޚަރަދު ކޮށްފައިވަނީ އެ ފަރާތުން ކަމުގައި ބުނިނަމަވެސް، އެ ޚަރަދު ކުރި ގޮތެއް، އެ ފައިސާ ޙަސަން ޢަލީދީދީއަށް ނުވަތަ ޙަސަން ޢަލީދީދީގެ ކުންފުންޏަކަށް ދިން ގޮތެއް، ދިން މިންވަރެއް އޭނާގެ ފަރާތުން ހުށަހަޅާފައިވާ ހެކިންގެ ފަރާތުން ސާފެއް ނުވެއެވެ.
ކުރުކޮށް ބުނާނަމަ، ހައިކޯޓުން ވާޤިޢާތައް ކަށަވަރު ކުރުމުގައި ހަދާފައިވާ ގޯހެއް ޢާމިރު ޔޫސުފްގެ ފަރާތުން ފާހަގަ ކުރާ ކަންކަމާ ގުޅުވައިގެން ފެންނަން ނެތެވެ. އަދި މި ނުކުތާއާ ގުޅިގެން ވަކި ވަކި ޝަފަހީ ހެކިންގެ ހެކިބަހާމެދު ޢާމިރު ޔޫސުފް ފާހަގަ ކުރާ ކަންކަމާއި، އެކަންކަމުގެ ތަފުސީލު އަހުރެން ފަހުން އެބަ ބަޔާން ކުރަމެވެ.
ދެ ފަރާތުގެ ދެމެދުގައި އެއްބަސްވުމެއް އޮތްތަ؟
މައްސަލައިގެ ވާޤިޢާތަކަށް ހައިކޯޓުން ބަލާފައިނުވާކަމުގައި ބުނެ ޢާމިރު ޔޫސުފް ފާހަގަ ކުރާ އެއްކަމަކީ، ދެ ފަރާތުގެ ދެމެދުގައި މ. ޔުޒުނީގައި ޢިމާރާތް ކުރުމަށްފަހު، އެ ޢިމާރާތުގެ 02 (ދޭއް) ބުރި (ފަސްޓް ފްލޯ އާއި ސެކަންޑް ފްލޯ) ޢާމިރު ޔޫސުފް ޙަސަން ޢަލީދީދީއަށް 15 (ފަނަރަ) އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދިނުމަށް އެއްބަސްވުމެއް ވެފައި ނޯންނާނެ ކަމުގައި ބުނެ އެކަމަށް ޢާމިރު ޔޫސުފް އިންކާރު ކޮށްފައިވާއިރު، މި ފަދަ ކުލީގެ އެއްބަސްވުމެއް އޮތްކަން ސާބިތު ކުރުމަށް ޙަސަން ޢަލީދީދީ ހުށަހެޅި "ޑްރާފްޓް އެއްބަސްވުމަކީ" ޞައްޙަ އެއްބަސްވުމެއް ކަމުގައި ހައިކޯޓުން ބަލާފައިވާ ކަމުގައެވެ. ނަމަވެސް، އެ ލިޔުމުގެ ޞައްޙަކަމާމެދު، ހައިކޯޓުން އެއްވެސް މިންވަރެއްގެ ފޮރެންސިކް ތަޙްލީލެއް ކޮށް ބަލައި ކަށަވަރު ކޮށްފައިނުވާ ކަމުގައެވެ.
މި ނުކުތާއަށް ބަލާއިރު، ސިވިލް ކޯޓުގައި ޙަސަން ޢަލީދީދީގެ ފަރާތުން މައްސަލައިގައި ކަން ހިނގާފައިވާ ގޮތް ބަޔާންކުރަމުން ފާހަގަކޮށްފައިވަނީ، ޔުޒުނީގައި ޢިމާރާތް ކޮށްފައިވަނީ އޭނާގެ ޚަރަދުގައި ކަމުގައި އާއި، އެ ޚަރަދަކީ، އެ ޢިމާރާތުގެ 02 (ދޭއް) ބުރި އޭނާއަށް 15 (ފަނަރަ) އަހަރު ދުވަހުގެ މުއްދަތަށް އެއްބަސްވުމެއްގެ ދަށުން ކުއްޔަށް ދިނުމަށް ޢާމިރު ޔޫސުފްވި ވަޢުދެއްގެ މައްޗަށް ބިނާކޮށް އޭނާ ކުރި ޚަރަދެއް ކަމުގައި އާއި، ނަމަވެސް، އެ އެއްބަސްވުމެއް ވުޖޫދު ކުރެވޭނެ ގޮތެއް ނުވިކަމުގައެވެ. އަދި މި އެއްބަސްވުން ވުޖޫދު ކުރުމުގެ ބޭނުމުގައި ޢާމިރު ޔޫސުފް ބުނި ގޮތަށް އޭނާ ތައްޔާރުކުރި ޑްރާފްޓް އޭނާ ޝަރީޢަތަށް ހުށަހަޅާ ކަމުގައެވެ. އަދި ދަޢުވާ ހުށަހެޅުމަށްފަހު ސިވިލް ކޯޓުގައި ޙަސަން ޢަލީދީދީ އެދިފައިވަނީ، ކުރިން އިޝާރާތް ކުރި ގޮތަށް 15 (ފަނަރަ) އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދިނުމަށް ޢާމިރު ޔޫސުފް އިންކާރު ކުރަމުންދާތީ، އެ ޢިމާރާތް ބިނާކުރުމަށް ކޮށްފައިވާ ޚަރަދު އޭނާއަށް ލިބިދިނުމަށެވެ.
ޢާމިރު ޔޫސުފްގެ މި ހުށަހެޅުމަށް ބަލާއިރު، އެންމެ އަސާސީ ކަމެއްގެ ގޮތުގައި ފާހަގަ ކުރެވެނީ، ސިވިލް ކޯޓުގެ ކުރިމަތީގައި އޮތް މައްސަލައަކީ، ޢާމިރު ޔޫސުފްވި ވަޢުދަކަށް ބަރޯސާވެގެން، ޙަސަން ޢަލީދީދީ ކުރި ޚަރަދެއް ހޯދުމަށް ހުށަހަޅާފައި އޮތް މައްސަލައެކެވެ. އަދި މި މައްސަލައިގައި ޝަރީޢަތުގެ ކުރިމަތީގައި އޮތް ސުވާލަކީ، ދެ ފަރާތުގެ ދެމެދުގައި ކުލީގެ އެއްބަސްވުމެއް އޮތްކަން ނުވަތަ ނޫންކަން ކަނޑައެޅުމެއް ނޫނެވެ. ސިވިލް ކޯޓުގެ ކުރިމަތީގައި އޮތް ސުވާލަކީ، ޢާމިރު ޔޫސުފްވި ވަޢުދެއްގެ މައްޗަށް ބިނާކޮށް ޙަސަން ޢަލީދީދީ ޚަރަދު ކުރިކަން ނުވަތަ ނޫންކަން ކަނޑައަޅައި، ޚަރަދު ކުރިނަމަ، އެ ޚަރަދެއް ޝަރީޢަތުން ނަގައިދޭނެ ތަނެއް އޮތްތޯ ބެލުމުގެ ސުވާލެވެ. އެހެނީ ޙަސަން ޢަލީދީދީ އެދެނީ އޭނާ ކުރި ޚަރަދު އަނބުރާ ހޯދުމެވެ. އޭނާއަށް ޙައްޤު މިންވަރު ލިބުމެވެ. ޙަސަން ޢަލީދީދީ އެދިފައިވަނީ ޢާމިރު ޔޫސުފް އެއްބަސްވުމަކާ ޚިލާފުވުމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލަކަށް ނޫނެވެ. ނުވަތަ އެ ފަރުވާއެއް ފޯރުކޮށްދިނުމަށް އެއްބަސްވުމެއް އޮތުން ލާޒިމު އެހެން ފަރުވާއަކަށް ވެސް ނޫނެވެ.
އެއްބަސްވުމަކަށް އައުމަށްޓަކައި، ނުވަތަ ދެ ފަރާތުގެ ދެމެދުގައި ވަކި ގޮތަކަށް ވަކި ކަމެއް ކުރުމަށް ދެކެވުނު ވާހަކަތަކުގެ މައްޗަށް ބިނާކޮށް، މީހަކު ކުރި ޚަރަދެއް ހޯދުމަށް އެދޭ މައްސަލަތަކުގައި، އެއްބަސްވުމެއް އޮތްކަން ނުވަތަ ނޫންކަން، ނުވަތަ ދެ ފަރާތުގެ ދެމެދުގައި ވާހަކަ ދެކެވުނުކަމާއި، އެ ދެކެވުނު ވާހަކަތަކުގެ ކަވި ތަފުސީލު ބެލުމަކީ މި ބާވަތުގެ މައްސަލަތަކުގައި ކޯޓުތަކުން ކޮންމެހެން ރިޢާޔަތް ކުރަންޖެހޭނެ ކަންތަކެއް ކަމުގައި ނުދެކެމެވެ. ކޯޓުން ރިޢާޔަތް ކުރަންޖެހޭނީ ޚަރަދު ހޯދުމަށް އެދޭ މީހާ ޚަރަދު ކުރިކަން ނުވަތަ ނޫންކަމާއި، އޭނާ ކުރި ޚަރަދުގެ މިންވަރަކީ ކޮބައިކަމާއި، ޚަރަދުގެ މިންވަރު ނަގައިދިނުމުގައި މި ބާވަތުގެ މައްސަލަތަކުގައި ރިޢާޔަތް ކުރުން މުހިންމު އެހެނިހެން ކަންކަމަށެވެ. އަހުރެން ވެސް އެއްބަހެވެ. ދެ ފަރާތުން ދައްކާ ވާހަކަތަކުގެ ތަފުސީލާއި، އެކަމާ ގުޅުން ހުރި ހެކިތަކަކީ މިފަދަ މައްސަލަތަކުގައި ވާޤިޢާތައް ކަށަވަރު ކުރުމަށް އެހީ އަކަށް ވެދާނެ ކަންކަމެވެ.
މި އުސޫލު މި މައްސަލައަށް ތަޠުބީޤު ކުރާއިރު، ސިވިލް ކޯޓުން މި މައްސަލައިގައި ދެ ފަރާތުގެ ދެމެދުގައި ކުލީގެ އެއްބަސްވުމެއް އޮތްކަން ނުވަތަ ނޫންކަމާމެދު އެއްވެސް ކަމެއް ފާހަގަ ކޮށްފައި ނުވުމަކީ، ސިވިލް ކޯޓުގެ ނިންމުން ޤާނޫނާ ޚިލާފު ކަމުގައި ބަލަން ޖެހޭ ސަބަބެއް ކަމުގައި ނުދެކެމެވެ. އަދި ސިވިލް ކޯޓުގެ ޙުކުމަށް ބަލާއިރު، ޙަސަން ޢަލީދީދީ ޚަރަދު ކުރިކަމުގެ މައްޗަށް އޭނާ ހުށަހަޅާފައިވާ ހެކިތަކާއި، އެކަން ނަފީ ކުރުމަށް ޢާމިރު ޔޫސުފްގެ ފަރާތުން ހުށަހަޅާފައިވާ ކަންކަމަށް ރިޢާޔަތް ކޮށްފައިވާކަން އެނގެއެވެ. އަދި ހައިކޯޓުގެ ނިންމުމަށް ބަލާއިރު، ސިވިލް ކޯޓުގެ ނިންމުމަށް ހައިކޯޓުން ތާއީދުކުރި ނަމަވެސް، ޢާމިރު ޔޫސުފްގެ ފަރާތުން ފާހަގަ ކޮށްފައިވާ ފަދައިން ކުލީގެ އެއްބަސްވުމެއް އޮތްކަން ސާބިތުކުރުމަށް ޙަސަން ޢަލީދީދީ ހުށަހަޅާފައިވާ "ޑްރާފްޓް އެއްބަސްވުމަކީ" ޞައްޙަ އެއްބަސްވުމެއް ކަމުގައި ހައިކޯޓުގެ ނިންމުމުގެ އެއްވެސް ތަނެއްގައި ފާހަގަ ކޮށްފައިވާތީ، ނުވަތަ އެ މޭރުމުން ވަކި ކަމެއް ފާހަގަ ކޮށްފައިވާތީ އަހުރެންނަށް ފެނިފައިނުވެއެވެ. ކަންމިހެން އޮތުމުން އިސްތިއުނާފީ ފުރަތަމަ ނުކުތާގައި ޑްރާފްޓް އެއްބަސްވުމަކީ ޞައްޙަ އެއްބަސްވުމެއް ކަމުގައި ހައިކޯޓުން ކަނޑައަޅާފައި އޮތްކަމުގައި ޢާމިރު ޔޫސުފް ބުނާ ވާހަކައަކީ، އަސާސެއް ނެތް ވާހަކައަކަށް ވާތީވެ އެ ކަމާމެދު ގޮތެއް ކަނޑައަޅާނެ ތަނެއް އޮތްކަމުގައި އަހުރެން ނުދެކެމެވެ.
ޑްރާފްޓް އެއްބަސްވުމުގައިވާ ޚަރަދުގެ ބަޔަށް ބުރަދަނެއް ދިނުން
އިސްތިއުނާފީ ފުރަތަމަ ނުކުތާއާ ގުޅިގެން ޢާމިރު ޔޫސުފް ދައްކާފައިވާ ވާހަކަތަކަށް ބަލާއިރު، ޙަސަން ޢަލީދީދީ ހުށަހަޅާފައިވާ ޑްރާފްޓް އެއްބަސްވުމުގެ ފުރަތަމަ ނަންބަރުގައި ފައުންޑޭޝަނުން ފެށިގެން ފުރަތަމަ ފަންގިފިލާއާ ހަމައަށް ހިނގާނެ ޚަރަދު ޙަސަން ޢަލީދީދީ ކުރާނެ ކަމުގައި ބުނެފައިވާއިރު، ދެވަނަ ނަންބަރުގައި ފުރަތަމަ ފަންގިފިލާއިން ފެށިގެން މައްޗަށް ހުރި ހުރިހާ ބައެއް ނިންމުމުގެ މަސައްކަތަށް ޚަރަދު ކުރަނީ ޢާމިރު ޔޫސުފް ކަމުގައި ބަޔާންކޮށްފައިވާ ކަމުގައެވެ. ކަން މިހެން އޮތުމުން އެ ޑްރާފްޓް އެއްބަސްވުމަކީ ޙަސަން ޢަލީދީދީ ހުށަހެޅި ދަޢުވާ ސާބިތު ކުރުމަށް އޭނާ ހުށަހެޅި ލިޔުމެއް ނަމަވެސް އެ ލިޔުމުން ޢިމާރާތް ކުރުމުގެ އެންމެހައި ޚަރަދެއް ކޮށްފައިވަނީ ޙަސަން ޢަލީދީދީ ނޫންކަން އެނގޭ ކަމުގައެވެ. އަދި މިކަން މިހެން އޮތްއިރު، މިކަމަށް ހައިކޯޓުން ރިޢާޔަތް ކުރުމެއްނެތި، ޢިމާރާތް ކޮށްފައިވަނީ، ޙަސަން ޢަލީދީދީ ކަމާއި، އެ ޚަރަދުގެ މިންވަރު ހައިކޯޓުން ކަނޑައަޅައި ނިންމާފައިވާ ކަމުގައެވެ.
ޢާމިރު ޔޫސުފްގެ ފަރާތުން ދައްކާފައިވާ މި ވާހަކަތަކަށް ބަލާއިރު، ޑްރާފްޓް އެއްބަސްވުމެއް ޝަރީޢަތަށް ޙަސަން ޢަލީދީދީ ހުށަހަޅާފައިވަނީ، އިމާރާތުގެ ދެ ބުރި ޢާމިރު ޔޫސުފް ޙަސަން ޢަލީދީދީއަށް ކުއްޔަށް ދިނުމަށް ޑްރާފްޓެއް އެކުލަވާލެވުނުކަން ސާބިތު ކޮށްދިނުމަށެވެ. މިކަން ދަޢުވާ ފޯމުން އެނގެއެވެ. އަދި މި އެއްބަސްވުމަކީ ޢާމިރު ޔޫސުފް ބުނި ގޮތަށް ތައްޔާރުކޮށްފައިވާ އެއްބަސްވުމެއް ކަމުގައި ވެސް ޙަސަން ޢަލީދީދީ ބުނެއެވެ. މި އެންމެހައި ކަންކަމަށް ޢާމިރު ޔޫސުފް ސިވިލް ކޯޓުގައި އިންކާރު ކުރުމަށްފަހު، މި ޑްރާފްޓް އެއްބަސްވުމުގައިވާ ކަންކަމަކީ ޙަސަން ޢަލީދީދީގެ ފަރާތުން ޤަބޫލު ކުރާ ކަންތައްތަކެއް ކަމުގައި ޙަސަން ޢަލީދީދީ ބުނާއިރު، މި ޑްރާފްޓްގެ 1 ވަނަ ނަންބަރާއި 2 ވަނަ ނަންބަރަށް ބަލާއިރު، ޢިމާރާތް ކޮށްފައިވަނީ ޙަސަން ޢަލީދީދީގެ ޚަރަދުގައި ނޫންކަން ސާބިތުވާކަމަށް ބުނެފައިވެއެވެ.
މި ނުކުތާއަށް ބަލާއިރު ޑްރާފްޓް އެއްބަސްވުމުގައިވާ ޢިމާރާތް ކުރުމަށް ޚަރަދު ކުރުމުގެ އިންތިޒާމުތަކަށް ސިވިލް ކޯޓާއި ހައިކޯޓުން ބުރަދަނެއް ދީފައިނުވެއެވެ. އަދި އެއީ އެ ދެ ކޯޓުގެ ނިންމުމުގައި އޮތް އައިބެއް ވެސް ނޫނެވެ. އެހެނީ، އެ އެއްބަސްވުމަކީ ކުލީގެ މުޢާމަލާތެއް ވަކި ގޮތަކަށް ލިޔުމުން އެއްބަސްވުމަށް ދެ ފަރާތުން މަސައްކަތްކުރިކަން ސާބިތު ކޮށްދިނުމަށް ޙަސަން ޢަލީދީދީ ހުށަހެޅި ލިޔުމެއް ނަމަވެސް، އެފަދަ މުޢާމަލާތެއް އޮތްކަން ނުވަތަ ނޫންކަން ބެލުމަކީ މި މައްސަލައިގައި ޝަރީޢަތުގެ ކުރިމަތީގައި ޖަވާބު ހޯދަން ޖެހޭ ސުވާލެއް ނޫނެވެ. މީގެ އިތުރަށް ސިވިލް ކޯޓުން ޙަސަން ޢަލީދީދީ ޚަރަދު ކުރިކަމުގައި ކަނޑައަޅާފައިވަނީ، އަދި ހައިކޯޓުން ސިވިލް ކޯޓުގެ ނިންމުމަށް ތާއީދު ކޮށްފައިވަނީ ޙަސަން ޢަލީދީދީގެ ފަރާތުން އެ ޚަރަދު ކުރީ އޭނާ ކަމާއި، އެ ޚަރަދުގެ މިންވަރު ސާބިތު ކުރުމަށް ހުށަހެޅި ހެކިތަކަށާއި، އެ ހެކިތައް ނަފީ ކުރުމަށް ޢާމިރު ޔޫސުފް ހުށަހެޅި ކަންކަމަށް ރިޢާޔަތް ކޮށްގެންނެވެ. އެކަންކަމުގެ ތަފުސީލު ހައިކޯޓުން މައްސަލަ ނިންމުމުގައި ރިޢާޔަތް ކޮށްފައިވާ ކަންކަމުގައި އަހުރެން ބަޔާންކޮށްފީމެވެ.
އަދި ބަހުސްގެ ބޭނުމަށް ބެލި ނަމަވެސް، ވާހަކަ ދެކެވޭ "ޑްރާފްޓް އެއްބަސްވުމުގައި" ޙަވާލާ ދޭ މާއްދާތަކުގައި ވަކި ޚަރަދެއް ކުރާނީ ނުވަތަ ވަކި ޚަރަދެއް ހޯދާނީ ވަކި ފަރާތަކުން ކަމުގައި ބަޔާންކޮށްފައި އޮތުމަކީ، ދެ ފަރާތުގެ ދެމެދުގައި އެކަމާމެދު ޚުޞޫމަތެއް އުފަންވެފައިވާ ޙާލަތުގައި، ވަކި ޚަރަދެއް ކުރީ ނުވަތަ ވަކި ޚަރަދެއް ހޯދީ ވަކި ފަރާތަކުންކަން ޝަރުޢީ ހަމަތަކުގެ މަތިން ހެއްކެއް ނެތި ކަނޑައެޅޭނެ ކަމެއް ނޫނެވެ. މިކަންކަން މިހެން ހުރުމުން މި ނުކުތާގައި ޢާމިރު ޔޫސުފްގެ ފަރާތުން ދައްކާފައިވާ ވާހަކަތަކަށް ބަލައި ހައިކޯޓުގެ ނިންމުން ޤާނޫނާ ޚިލާފު ކަމުގައި ބަލާނެ ތަނެއް އޮތްކަމުގައި އަހުރެން ނުދެކެމެވެ.
ފައިސާގެ ޢަދަދު ޝަރީޢަތުން ކަނޑައެޅި ގޮތާމެދު
އިސްތިއުނާފީ ފުރަތަމަ ނުކުތާގެ ތަފުސީލުގައި ޢާމިރު ޔޫސުފްގެ ފަރާތުން ދައްކާފައިވާ ވާހަކަތަކަށް ބަލާއިރު، މި މައްސަލައިގައި ޙަސަން ޢަލީދީދީ މ. ޔުޒުނީގައި ޢިމާރާތް ކުރުމަށް ކުރި ޚަރަދުގެ ތަފުސީލު އެނގޭނެ ލިޔުމެއް އޭނާގެ ފަރާތުން ޝަރީޢަތަށް ހުށަހަޅާފައިނުވާއިރު، ޢާމިރު ޔޫސުފަށް ބޭންކް އޮފް މޯލްޑިވްސް އިން ލޯނެއް ދިނުމަށްޓަކައި ބޭންކުން ހަދާފައިވާ އެސެސްމަންޓްގައި މ. ޔުޒުނީގައި ހަދަމުންދާ 04 (ހަތަރެއް) ބުރީގެ ޢިމާރާތް މުޅިން ނިމުމުން އެ ޢިމާރާތަކީ 2.1 މިލިއަށް ރުފިޔާ ގެ އަގުހުރި އިމާރާތެއް ކަމަށް ބަޔާންކޮށްފައި އޮތް އޮތުމުގެ މައްޗަށް ބިނާކޮށް އެ މިންވަރަކީ އެ ޢިމާރާތް ހެދުމަށް ޙަސަން ޢަލީދީދީ ކުރި ޚަރަދުގެ މިންވަރުކަމުގައި ޝަރީޢަތުން ނިންމާފައިވަނީ ކޮން އަސާސެއްގެ މައްޗަށް ކަން ސާފުނުވާ ކަމުގައި ބަޔާންކޮށްފައިވެއެވެ. މީގެ އިތުރަށް މ. ޔުޒުނީގައި ޙަސަން ޢަލީދީދީ ބުނާ ފަދަ ބޮޑު އިންވެސްޓްމަންޓެއް ކުރިނަމަ، އެ އިންވެސްޓްކުރި ފައިސާ ލިބޭނެ ގޮތެއް ވެސް ޑްރާފްޓް އެއްބަސްވުމުގައި އޮންނަންޖެހޭނެ ކަމުގައި އާއި، މ. ޔުޒުނީގައި ޢިމާރާތް ކުރުމަށް ޚަރަދު ކޮށްފައިވަނީ ޙަސަން ޢަލީދީދީ ނަމަ، ޓްރޮޕިކަލް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑުން ކޯޓޭޝަންތައް ޢާމިރު ޔޫސުފް އަށް ފޮނުވުމުގެ ބަދަލުގައި ފޮނުވަން ޖެހޭނީ ޙަސަން ޢަލީދީދީއަށް ކަމުގައެވެ. ނަމަވެސް، އެ ކޯޓޭޝަންތައް ޢާމިރު ޔޫސުފް އަށް ފޮނުވާފައިވުމުން ޙަސަން ޢަލީދީދީ ދައްކާ ވާހަކަ ޙަޤީޤަތާ އެއްގޮތް ނޫންކަން އެނގޭ ކަމުގައެވެ. އަދި މިފަދައިން ކަންހުރިއިރު، ޢާމިރު ޔޫސުފްގެ ކިބައިން ޙަސަން ޢަލީދީދީ ކުރިކަމަށް ބުނާ ޚަރަދުތަކެއްގެ ފައިސާ ނަގައިދިނުމަކީ ހަމަޖެހޭ ކަމެއް ނޫންކަން ޢާމިރު ޔޫސުފްގެ ފަރާތުން ބުނެއެވެ. މި ވާހަކަތައް ޢާމިރު ޔޫސުފްގެ ފަރާތުން މި ކޯޓުގައި ދައްކާފައިވަނީ ޢިމާރާތް ކުރުމަށް ޚަރަދުކުރީ ޙަސަން ޢަލީދީދީކަން ހައިކޯޓުން ކަނޑައަޅާފައި އޮތް އޮތުން ޤާނޫނާ ޚިލާފުކަމުގައި ބުނާ ވާހަކަ ތަފުސީލު ކުރަމުންނެވެ.
ޢާމިރު ޔޫސުފްގެ މި ވާހަކަތަކަށް ބަލާއިރު، ޢިމާރާތް އެސެސްކުރުމަށްފަހު ބޭންކް އޮފް މޯލްޑިވްސް އިން ކަނޑައަޅާފައިވާ އަގަކީ، ޙަސަން ޢަލީދީދީ ޢިމާރާތް ކުރުމަށް ހޭދަކުރި ޚަރަދުގެ މިންވަރުކަމުގައި ހައިކޯޓުން ބަލާފައިވަނީ ކޮން އަސާސެއްގެ މައްޗަށްކަން ސާފު ނުވާކަމުގައި ބުނެ ޢާމިރު ޔޫސުފް ދައްކާފައިވާ ވާހަކަތަކަކީ ޢާމިރު ޔޫސުފްގެ ފަރާތުން މި މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރަމުން އެ ކޯޓުގައި ދައްކާފައިވާ ވާހަކައެއް ނޫނެވެ. ކަންމިހެން އޮތުމުން ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 16 ވަނަ މާއްދާއަށް ރިޢާޔަތްކޮށް މިއީ މި ކޯޓުން ގޮތެއް ކަނޑައެޅޭނެ ނުކުތާއެއް ކަމުގައި އަހުރެން ނުދެކެމެވެ.
އެހެން ނަމަވެސް، ޑްރާފްޓް އެއްބަސްވުމުގައި ޙަސަން ޢަލީދީދީ ކުރި ޚަރަދު އަނބުރާ ހޯދާނެ ގޮތެއް ބަޔާން ވެފައިނުވާއިރު، އެއީ މި ބާވަތުގެ މުޢާމަލާތްތަކަށް ބަލާއިރު، ޣަރީބު ކަމެއް (ނުވައްތަރު ކަމެއް) ކަމުގައި އާއި، މި މައްސަލައިގައި ހުށަހެޅިފައިވާ ކޯޓޭޝަންތައް ޓްރޮޕިކަލް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑުން ފޮނުވާފައިވަނީ ޙަސަން ޢަލީދީދީއަށް ނޫންކަމުން، މ. ޔުޒުނީ ގޯތީގައި ޢިމާރާތް ކުރުމަށް ޚަރަދުކޮށްފައިވަނީ ޙަސަން ޢަލީދީދީ ނޫންކަން އެނގޭކަމަށް ހައިކޯޓުގައި ޢާމިރު ޔޫސުފްގެ ފަރާތުން ފާހަގަ ކޮށްފައިވެއެވެ.
ހައިކޯޓުގެ ނިންމުމަށް ބަލާއިރު، އެ ކޯޓުން މ. ޔުޒުނީ ގޭގައި ޢިމާރާތް ކުރުމަށް ޚަރަދުކޮށްފައިވަނީ ޙަސަން ޢަލީދީދީ ކަމަށް ނިންމާފައިވަނީ، ދަޢުވާ ސާބިތު ކުރުމަށް ޙަސަން ޢަލީދީދީ ސިވިލް ކޯޓަށް ހުށަހެޅި ހެކިންގެ ހެކިބަހުގެ މައްޗަށް ކަން ހައިކޯޓުގެ ނިންމުމުން އެނގެއެވެ. އަދި މައްސަލައިގެ ލިޔުންތަކަށް ބެލުމުން ޑްރާފްޓް އެއްބަސްވުމަކީ، ޢިމާރާތް ކުރުމަށް ހޭދަކުރި ޚަރަދުގެ މިންވަރު ސާބިތު ކުރުމަށް ޝަރީޢަތަށް ހުށަހެޅުނު ލިޔުމެއް ނޫންކަން މި މައްސަލައިގައި ޙަސަން ޢަލީދީދީ ސިވިލް ކޯޓަށް ހުށަހެޅި ދަޢުވާ ފޯމުން އެނގެއެވެ. އަދި އެ ފޯމުގައިވާ ތަފުސީލުތަކަށް ބަލާއިރު، މި ޑްރާފްޓް އެއްބަސްވުމަކީ، ޢާމިރު ޔޫސުފް ބުނި ގޮތަށް ޑްރާފްޓް ކުރި ލިޔުމެއްކަން އެނގެއެވެ. އަދި މި ޑްރާފްޓް ލިޔުމުން ޙަސަން ޢަލީދީދީ މަސައްކަތް ކޮށްފައިވަނީ، ދެ ފަރާތުގެ ދެމެދުގައި ކުލީގެ އެއްބަސްވުމެއް ލިޔުމުން ޑްރާފްޓެއް އެކުލަވާލެވުނުކަން ސާބިތު ކޮށްދިނުމަށްކަން ވެސް އެ ދަޢުވާ ފޯމުން ސާފުކޮށް އެނގެއެވެ.
ޢާމިރު ޔޫސުފްގެ ފަރާތުން ފާހަގަ ކުރާ ޓްރޮޕިކަލް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑްގެ ކޯޓޭޝަންތަކަށް ބަލާއިރު، ޢާމިރު ޔޫސުފްގެ ފަރާތުން އެ ކޯޓޭޝަންތައް ސިވިލް ކޯޓަށް ހުށަހަޅާފައިވެއެވެ. އެ ކޯޓޭޝަންތަކާ ބެހޭ ގޮތުން ޢާމިރު ޔޫސުފްގެ ފަރާތުން ސިވިލް ކޯޓުގައި ބުނެފައިވަނީ، "ލޯނުގެ ހުރިހާ ފައިސާއެއްވަނީ ޢިމާރާތްކުރުމަށް ބޭނުންވާ ތަކެތި ގަތުމަށާއި، އެކިއެކި ޚަރަދުތައް ކުރުމަށް މަސައްކަތް ކުރި ފަރާތަށް ދެވިފައެވެ. ލޯނު ފައިސާ މަސައްކަތް ކުރިފަރާތަށް ދެވިފައިވަނީ އެ ފަރާތުން ހުށަހެޅި ކޯޓޭޝަން ބޭންކަށް ހުށަހެޅުމުން އެ ކޯޓޭޝަނުގެ މައްޗަށެވެ. އަދި އެ ފައިސާ ޙަސަން ޢަލީދީދީއަށް ދިންކަން މ. ޗިޅިޔާވިލާ މުޙައްމަދު ޝާހިދު ހެކިވާނެއެވެ." މި ފަދައިންނެވެ.
ކޯޓޭޝަންތަކަކީ ޢާންމު އުސޫލުން ބަލާއިރު، މަސައްކަތެއް ކުރުމަށް ހިނގާނެ ޚަރަދަކީ ކޮބައިކަން ބަޔާންކޮށް، މަސައްކަތް ކުރާ ފަރާތުން އެ ޚަރަދު ލިބިގަތުމަށް ފޮނުވާ ލިޔުމެކެވެ. ކޯޓޭޝަނެއް ފޮނުވާފައި އޮންނަ އޮތުމަކީ، ޢާންމު އުސޫލުން އެ ކޯޓޭޝަންގައިވާ ފައިސާ ދެއްކި ކަމަށް ދަލާލަތު ކުރާ ކަމެއް ނޫނެވެ. މި މައްސަލައިގައި ހުށަހެޅިފައިވާ ކޯޓޭޝަންތަކަށް ބަލާއިރު، އެއިން ކޯޓޭޝަނެއްގައި ބަޔާން ކޮށްފައިވާ ފައިސާއެއް، ނުވަތަ ފައިސާގެ މިންވަރެއް ޙަސަން ޢަލީދީދީއަށް ނުވަތަ ކޯޓޭޝަން ފޮނުވި ކުންފުންޏަށް ޢާމިރު ޔޫސުފްގެ ފަރާތުން ދީފައިވާކަމުގެ ހެއްކެއް މި މައްސަލައިން ފެންނަން ނެތެވެ. މި މައްސަލައިގައި ޝަރީޢަތުގެ ކުރިމަތީގައި އޮތް ސުވާލަކީ، ޢިމާރާތް ކުރުމަށް ޚަރަދުކުރީ ކޮންފަރާތަކުން ކިހައި މިންވަރެއް ކަމުގައިވާއިރު، ޢިމާރާތް ކުރުމަށް ޚަރަދު ކުރީ ޢާމިރު ޔޫސުފް ކަމުގައި ބުނެ، ވާހަކަ ދެކެވޭ ކޯޓޭޝަންތައް ހިމެނޭ ގޮތުން، ޢާމިރު ޔޫސުފް ސިވިލް ކޯޓަށް ހުށަހެޅި ކަންކަމަށް އިޝާރާތްކޮށް، ސިވިލް ކޯޓުން ޖުމުލަ ގޮތެއްގައި ފާހަގަ ކޮށްފައިވަނީ، "ޢާމިރު ޔޫސުފް ބޭންކުން ލޯނެއް ނެގިކަމުގައިވިޔަސް، މ. ޔުޒުނީއެވެ ކިޔާ ގޯތީގައި ޢިމާރާތް ކުރުމަށްޓަކައި ލޯނުގެ ފައިސާ ޙަސަން ޢަލީދީދީއާ ޙަވާލުކޮށްފައިވާ ކަން ޝަރީޢަތަށް ސާބިތު ކޮށްދެވިފައިނުވާ" ކަމުގައެވެ. އަދި ސިވިލް ކޯޓުން ހެކި ވަޒަންކޮށްފައިވާ ގޮތަށް ތާއީދު ކުރަމުން، ޙަސަން ޢަލީދީދީ ކުރި ޢިމާރާތެއްކަން އޭނާ ހުށަހެޅި ހެކިންގެ ބަހުން ޝަރީޢަތަށް ޤަބޫލު ކުރެވޭ މިންވަރަށް ސާބިތުކޮށްދީފައިވާ ކަން އެނގެން އޮތްއިރު، އެކަން ނަފީކުރުމަށް ޢާމިރު ޔޫސުފްގެ ފަރާތުން ހުށަހެޅި ހެކިންގެ ބަހުން އެކަން ނަފީވެގެން ނުދާކަން ހައިކޯޓުގެ ނިންމުމުގައި ފާހަގަ ކޮށްފައިވެއެވެ.
ކަންމިހެން އޮތްއިރު، ޙަސަން ޢަލީދީދީ ކޮށްފައިވާ ޚަރަދު އަނބުރާ ހޯދުމާބެހޭ ގޮތުން ޑްރާފްޓް އެއްބަސްވުމުގައި ގޮތެއް ބަޔާންވެފައި ނެތްކަމުގެ މައްޗަށާއި، ޓްރޮޕިކަލް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑުން ޢާމިރު ޔޫސުފަށް ކޯޓޭޝަންތައް ފޮނުވާފައި އޮތުމުގެ މައްޗަށް ހައިކޯޓުގެ ނިންމުމުގައި ރިޢާޔަތް ކޮށްފައިނުވާ ކަމުގައި ބުނެ ޢާމިރު ޔޫސުފްގެ ފަރާތުން ދައްކާފައިވާ ވާހަކަތަކުގެ މައްޗަށް ބިނާކޮށް ހައިކޯޓުގެ ނިންމުން ޤާނޫނާ ޚިލާފު ކަމުގައި ނުދެކެމެވެ.
ހެކިބަސް ވަޒަންކުރި ގޮތާމެދު
އިސްތިއުނާފީ ދެވަނަ ނުކުތާގައި ޢާމިރު ޔޫސުފްގެ ފަރާތުން ބުނެފައިވަނީ މި މައްސަލައިގައި ހެކިންގެ ހެކިބަސް ވަޒަން ކުރުމުގައި ހައިކޯޓުން އެއްމިންގަނޑެއް ބޭނުންކޮށްފައި ނުވާކަމުގައެވެ. އަދި ޖުމުލަ ގޮތެއްގައި ޢިމާރާތް ކުރުމަށް ޚަރަދުކުރީ ޙަސަން ޢަލީދީދީ ކަމުގައި ހެކިވެރިން ބުނެފައިވަނީ އެމީހުންނަށް ހީވާ ހީވުމެއްގެ މައްޗަށްކަން އެހެކިންގެ ބަޔާންތަކުން އެނގޭއިރު، ޢާމިރު ޔޫސުފް އާއި، ޙަސަން ޢަލީދީދީއާ ދެމެދު ޢިމާރާތް ކުރުމަށް ޚަރަދު ކުރުމާ ގުޅޭ ގޮތުން އެއްވެސް މުޢާމަލާތެއް ކޮށްފައިނުވާ ކަމަށް ބުނެފައިވާކަން ޢާމިރު ޔޫސުފްގެ ފަރާތުން ފާހަގަ ކޮށްފައިވެއެވެ.
އިތުރަށް ޢާމިރު ޔޫސުފްގެ ފަރާތުން ފާހަގަކޮށްފައިވަނީ، މި މައްސަލައިގައި ހެކިބަސް ދީފައިވާ ބަންގްލަދޭޝްގެ ރައްޔިތެއް ކަމުގައިވާ، ޢަބްދުލްޙަމީދާ ކުރެވުނު ސުވާލުތައް އޭނާއަށް ރަނގަޅަށް ފަހުމުވެފައިނުވާ ކަމުގައެވެ. އަދި ޢިމާރާތް ކުރުމަށް ހިނގި ޚަރަދު އޭނާއަށް ނޭނގޭ ކަމުގައި ހެކިބަސް ދީފައިވާ ކަމުގައެވެ. ކަން މިގޮތަށް އޮތްނަމަވެސް، އޭނާގެ ހެކިބަހުގައި "ފައުންޑޭޝަނުން ފެށިގެން ޢިމާރާތް ނިންމީވެސް ކޮމްޕެނީން ކަމަށާއި ޚަރަދު ކުރީ ބޮސްކަމަށް ބުނެފައިވާ ބުނުމަށް ހައިކޯޓުން ރިޢާޔަތް ކޮށްފައިވާ ކަމުގައެވެ. އަދި ޢަބްދުލްޙަމީދުގެ ހެކިބަހަކީ އެތަނުގައި ޢަމަލީ ގޮތުން މަސައްކަތް ކުރި މީހެއްގެ ގޮތުގައި އޭނާއަށް އެނގޭ ކަންތައް ބަޔާން ކުރުމަށް ދީފައިވާ" ހެކިބަހެއް ކަމުގައި ހައިކޯޓުން ބަލައިގެންފައިވާ ކަމުގައެވެ. އަދި މި މައްސަލައިގައި ޙަސަން ޢަލީދީދީއާ އެއްކޮޅަށް ހެކިބަސް ދީފައިވާ އަޙްމަދު އިރުފާންއަކީ ޙަސަން ޢަލީދީދީއާ ތިމާގެ މީހެއްކަމުގައިވާއިރު، އަޙްމަދު ޢިރުފާންގެ ހެކިބަހަށް ހައިކޯޓުން ބުރަދަން ދީފައިވާ ކަންވެސް ޢާމިރު ޔޫސުފްގެ ފަރާތުން ފާހަގަ ކުރެއެވެ. އަދި ޙަސަން ޢަލީދީދީގެ ފަރާތުން ހުށަހެޅި ހެކިންގެ ހެކިބަހުގެ އިތުރަށް ޢާމިރު ޔޫސުފްގެ ފަރާތުން ހުށަހެޅި ދެ ހެކިންގެ ހެކިބަހަށް ހައިކޯޓުން ގޮތެއް ނިންމާފައި ނުވާކަން ފާހަގަކޮށްފައިވެއެވެ.
ޖުމުލަ ގޮތެއްގައި ހައިކޯޓުން މި މައްސަލައިގައި ސިވިލް ކޯޓުގައި ހެކިބަސް އަދާކޮށްފައިވާ ހެކިންނާމެދު ފާހަގަ ކޮށްފައިވަނީ ހުރިހާ ހެކިން ހެކިބަސް ދީފައިވަނީ އެ ހެކިންނަށް އެނގޭ ކަންކަމާ ބެހޭގޮތުން އެނގޭ މިންވަރަށް ކަމުގައެވެ. މިކަންކަން ތަފުސީލުކޮށް ހައިކޯޓުގެ ޤަޟިއްޔާ ނިންމި ގޮތުގެ ރިޕޯޓުގެ ފާހަގަ ކުރެވޭ ދެވަނަ ނުކުތާގައި އެ ކޯޓުން ބަޔާންކޮށްފައިއެވެ.
ހެކިބަހަކީ، މީހަކު އޭނާގެ އަމިއްލަ ލޮލުން ދުށް ނުވަތަ އަޑުއެހި ނުވަތަ އޭނާގެ ފަސް ހިއްސުގެ ތެރެއިން ހިއްސަކަށް އެނގިފައިވާ ކަމަކާމެދު އިޤުރާރުވާ އިޤުރާރުވުމެވެ. ޢާންމު އުސޫލަކީ، ނުވަތަ އިފްތިރާޟަކީ، އެ މީހަކާ ކުރެވޭ ސުވާލުތައް ފަހުމުވެ، އެ ސުވާލުތަކުގެ ޖަވާބު ދެވޭ ކޮންމެ މީހަކީ ހެކިބަސް ދެވޭފަދަ މީހަކު ކަމުގައިވުމެވެ. މިއާ އިދިކޮޅު ސާބިތު ކުރެވޭނީ އެހެނިހެން އިފްތިރާޟުތަކެކޭ އެއްފަދައިން ހެކި ހުށަހަޅައިގެންނެވެ. މި އުސޫލުން، ހެކިވެރިއެއްގެ ހެކިބަސް ޤަބޫލު ނުކުރެވޭފަދަ ހާލަތެއް ކުރިމަތިވެފައިވާކަމަށް ބެލެވޭނަމަ، އެކަމެއް ޝަރީޢަތަށް ޤަބޫލުކުރެވޭ މިންވަރަށް ބަޔާން ކޮށްދިނުމަކީ އެފަދައިން ބުނާ ފަރާތަކުން އަދާކުރަންޖެހޭ ޒިންމާއެކެވެ. މިއީ ސުޕްރީމް ކޯޓުގެ ޢަބްދުﷲ ޙުސައިން ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް މައްސަލަ އާއި، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. މުޙައްމަދު ނަޞީރު މައްސަލައިގައި ސުޕްރީމް ކޯޓުން ނަގަހައްޓާފައިވާ އުސޫލެކެވެ. މި ދެންނެވި މައްސަލަތަކަކީ ޖިނާއީ މައްސަލަތަކެއް ނަމަވެސް، އެ މައްސަލަތަކުގައި ކަނޑައަޅާފައިވާ އުސޫލުތަކަކީ މަދަނީ މައްސަލަތަކުގައި ވެސް ބޭނުން ކުރެވޭނެ ޢާންމު އުސޫލުތަކެއް ކަން ފާހަގަކުރަމެވެ. ޝަރީޢަތަށް ޤަބޫލު ކުރެވޭ މިންވަރަށް މި ޒިންމާ އެ ފަރާތަކުން އަދާކޮށްފިނަމަ، އެކަމާބެހޭ ގޮތުން ހެކި ހުށަހަޅާ ފަރާތުން ހުށަހެޅުންތައް ހުށަހަޅައި، އެކަމާމެދު ޝަރީޢަތުން ގޮތެއް ނިންމިދާނެއެވެ.
މި އުސޫލުތައް މި މައްސަލައަށް ތަޠުބީޤުކޮށް ދަށު ކޯޓުގައި ހެކިބަސް އަދާކޮށްފައިވާ ހެކިންގެ ހެކިބަހަށް ބަލާއިރު، ބަންގްލަދޭޝްގެ ރައްޔިތެއް ކަމުގައިވާ ޢަބްދުލްޙަމީދުގެ ހެކިބަހުގައި ޖުމުލަކޮށް ޝަރީޢަތުން ކުރި ސުވާލުތައް ފަހުމްވެ، ޖަވާބުދީފައި ވެއެވެ. މި ގޮތުން ހެކިވެރިޔާއަށް ނޭނގޭ ކަންކަން ނޭނގޭ ކަމުގައި ބުނެފައިވާ ކަމާއި، ބައެއް ސުވާލުކޮށްފައިވާ ގޮތުން އޮޅުން ނުފިލާ ކަންކަން އިތުރަށް ސާފުކޮށް ދިނުމުން ޖަވާބު ދީފައިވާ ކަން ފާހަގަކުރެވެއެވެ. މިސާލެއްގެ ގޮތުން ޙަސަން ޢަލީދީދީ މި އެއްވެސް ކަހަލަ ހަސަދަވެރިކަމެއް ދެކޮޅުވެރިކަމެއް އޮންނާނެތޯ ސުވާލު ކުރުމުން ޖަވާބުގައި ނޭގޭ ކިޔާ އެއްޗެއް ބުނުމަށްފަހު، އިތުރަށް ސާފުކޮށްދީ، "އެއްވެސް މައްސަލައެއް ޖެހުނުތޯ" ސުވާލު ކުރުމުން ޖަވާބުގައި މައްސަލައެއް، އެފަދަ ކަމެއް ނެތް ކަމުގައި ބުނެފައިވެއެވެ. މީގެ އިތުރަށް "ޢާމިރު ޔޫސުފްގެ އިމާރާތެއް ޙަސަންޢަލީދީދީ ޚަރަދުކޮށްގެން ހެދިކަން އެނގޭތޯ އެހުމުން، "އަހަރުމެން ކޮންޕެނީގައި މަސައްކަތް ކުރި. ފައުންޑޭޝަން އިން ފެށިގެން ނިންމީވެސް އަހަރުމެން." މި ފަދައިން ބުނެފައިވެއެވެ. އަދި މަސައްކަތުގައި ޢަމަލީ ގޮތުން ބައިވެރިވިންތޯ ސުވާލު ކުރުމުން "ހުންނަނީ މި ކޮންޕެނީގަވެސް" މިފަދަ ޖަވާބު ދީފައިވެއެވެ. އަދި ޢާމިރު ޔޫސުފް އާއި ޙަސަން ޢަލީދީދީއާ ދެމެދު އިމާރާތް ކުރުމުގެ އެއްބަސްވުމެއް ނުވަތަ މުޢާމަލާތް ހިނގިގޮތް އެނގޭތޯއާއި، ޚަރަދު ކޮށްފައިވަނީ ކިހައި ފައިސާއެއްކަމާމެދު ކުރި ސުވާލުތަކަށް ނޭނގޭ ކަމުގައި ބުނެފައިވެއެވެ. މި ކަންކަމަށް ބަލާއިރު، ޢަބްދުލްޙަމީދުގެ ހެކިބަސް ދީފައިވަނީ ޢަމަލީ ގޮތުން މަސައްކަތްކުރި މީހެއްގެ ގޮތުގައި އޭނާއަށް އެނގޭ ކަންކަން ބަޔާން ކުރުމަށް ކަމުގައި އަހުރެންނަށް ބުރަވެއެވެ. އަދި އެ ހެކިބަސް ބަލައިގަތުމުގައި އަދި އެ ހެކިބަހަށް ބުރަދަން ދިނުމުގައި ހައިކޯޓުން ހަދާފައިވާ ގޯހެއް ނުފެނެއެވެ.
ޙަސަން ޢަލީދީދީއާ އެއްކޮޅަށް ހެކިބަސް ދީފައިވާ ހެކިން ހެކިބަސް ދީފައިވަނީ ހީވާ ހީވުމެއްގެ މައްޗަށް ކަމަށް ބުނެ ޢާމިރު ޔޫސުފްގެ ފަރާތުން ފާހަގަ ކުރާ އެއް ހެކިބަހަކީ މުޞްޠަފާ މުޙައްމަދުފުޅު ދީފައިވާ ހެކިބަހެވެ. މި ހެކިބަހުގައި، "މ. ޔުޒުނީ ކިޔާގޭގައި މިހާރު ހަދާފައިވާ އިމާރާތް އެއީ ކޮންފަރާތަކުން ޚަރަދުކޮށްގެން ހަދާފައިވާ އިމާރާތެއްތޯ؟" ކުރި ސުވާލުގެ ޖަވާބުގައި، "އަޅުގަނޑަށް އެނގިފައިވާ މަޢުލޫމާތުން އެއީ ޙަސަން ޢަލީދީދީ ޚަރަދުގައި ހަދާފައިވާ ޢިމާރާތެއް" ކަމުގައި ބުނެފައިވެއެވެ. އިތުރަށް އެ ފަދައިން ޖަވާބު ދީފައިވަނީ "ކޮންކަހަލަ މައުލޫމާތެއް ކޮންގޮތަކަށް ލިބިގެންތޯ ނުވަތަ ކޮން ހެއްކެއްގެ މައްޗަށް ބިނާކޮށްތޯ؟" ސުވާލު ކުރުމުން މުސްތަފާ މުޙައްމަދުފުޅަކީ، ޙަސަން ޢަލީދީދީގެ ކުންފުނީގައި މަސައްކަތް ކުރަމުން ދިޔަ ފަރާތެއް ކަމާއި، ކުންފުންޏަކީ، ރެކްރޫޓްމަންޓް އެޖެންސީ އެއްކަމާއި އެތަނުން ލިބޭ ލާރިންނާ އެއްކޮށް، އިތުރު ތަނެއް ޙަސަން ޢަލީދީދީ ހަދަމުން ދިޔަކަމާއި، މުސްތަފާ މުޙައްމަދުފުޅު ވެސް ޕާސަނަލީ ޙަސަން ޢަލީދީދީ އާއެކު މާފަންނުގައި ހުރި އެގެއަށް އަށް ދިޔަކަމަށާއި މަސައްކަތް ކުރިއަށް ގެންދިޔައީ ޙަސަން ޢަލީދީދީގެ މުވައްޒަފުން ވެސް އެތަނުގައި ބައިތިއްބައިގެން ކަމަށް ބުނެފައިވެއެވެ. މި ހެކިބަހަށް ބަލާއިރު، މުޞްޠަފާ މުޙައްމަދުފުޅުގެ ހެކިބަހަކީ ހީވާ ހީވުމެއްގެ މައްޗަށް ދީފައިވާ ހެކިބަހެއް ކަމުގައި ނުބެލެވެއެވެ. މިއީ މުޞްޠަފާ މުޙައްމަދުފުޅަށް އެނގިފައިވާ ކަންކަމުގެ މައްޗަށް ބިނާކޮށް ދީފައިވާ ހެކިބަހެއްކަން އެނގެއެވެ. އަދި ހެކިބަހަށް ބުރަދަންދީ، ހެކިބަސް ވަޒަންކުރުމުގައި ހައިކޯޓުން ގޯހެއް ހަދާފައިވާ ކަމުގައި ނުފެނެއެވެ.
ތިމާގެކަމުގެ ގުޅުން
ހެކިންގެ ހެކިބަހާމެދު ސުވާލު އުފައްދަމުން ޢާމިރު ޔޫސުފް ފާހަގަކުރާ އެއްކަމަކީ، މި މައްސަލައިގައި ޙަސަން ޢަލީދީދީއާ އެއްކޮޅަށް ހެކިބަސް ދީފައިވާ އަޙްމަދު ޢިރުފާން ޢަލީއަކީ ޙަސަން ޢަލީދީދީގެ ތިމާގެ މީހެއްގެ ކަމަށާއި، އަޙްމަދު އިރުފާން ޢަލީގެ ހެކިބަހަކީ އޭނާއަށް ފެނުނު ކަމެއް ފެނުނު ގޮތަކަށް ބުނެދިނުމުގެ ބަދަލުގައި ވަކި ފަރާތަކަށް ބުރަވެ ހުރެ ދައްކާފައިވާ ވާހަކަތަކެއް ކަމުގައި ބުނެފައިވެއެވެ. މިހެކިބަހާމެދު ސުވާލު އުފައްދައި މި ނޫން ވާހަކައެއް ޢާމިރު ޔޫސުފްގެ ފަރާތުން ސުޕްރީމް ކޯޓުގައި ފާހަގަ ކޮށްފައިނުވެއެވެ.
މި ނުކުތާގައި ހައިކޯޓުގެ ނިންމުމަށް ރުޖޫޢަވާއިރު، އެ ނިންމުމުގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ޢަލީ ޙަސަން މައްސަލައާ ޙަވާލާދީ، އަޙްމަދު އިރުފާން ޢަލީއަކީ ޢާއިލާ މީހެއްކަމަށް ބުނާ ބުނުމަކީ ހެކިބަސް ޤަބޫލު ނުކުރެވޭނެ ސަބަބެއް ނޫންކަމުގައި ބަޔާންވެފައިވެއެވެ. އަދި ޢާއިލީ ގޮތުން ހެކިބަސް ޤަބޫލު ނުކުރެވޭނެ ސަބަބުތަކާއި ދުރުގާތްމިން އެއީ ވަކި ހަމަތަކެއްގެ މަތިން ބެލެވި ޢަމަލު ކުރަމުންދާ ޝަރުޢީ އަދި ޤާނޫނީ އުޞޫލު ތަކެއް ކަމުގައި ވެއެވެ. އަދި ހެކިދޭ މިހާއާ އޮންނަ ގާތް ގުޅުމުގެ ސަބަބުން މަސްލަޙަތު ފުށުއަރާކަމަށް ކޯޓުން ކަނޑައަޅައި ހެކި ރައްދުނުކުރެވޭހައި ހިނދަކު، ކޯޓަށް ހުށަހަޅާ ހެކިންނަކީ ވަކި ފަރާތަކަށްނުޖެހޭ ބައެއްކަން ކުރިއާލައި ކަށަވަރުނުވި ނަމަވެސް، އެފަދަ ހެކިންގެ ހެކިބަހަކީ މައްސަލަ ބަލާ ފަނޑިޔާރަށް ވަޒަންކުރުމުގެ ބާރުލިބޭ ހެއްކެއް ކަމުގަ ވެއެވެ. އަދި އެ ހެކިބަސް އަދާކޮށްފައިވަނީ މައުޟޫޢިއްޔަތުކަމާއެކު ވަކި ފަރާތަކަށް ޖެހުމެއްނެތި ކަމަށް ފަނޑިޔާރަށް ޤަބޫލުކުރެވިއްޖެ ހިނދެއްގައި ޙުކުމް ބިނާކުރުމުގައި އެ ހެއްކަކީ ރިޢާޔަތްކުރެވިދާނެ ހެއްކެއްކަމުގައި ވެއެވެ. އަދި މި ކަންކަމަށް ބަލާއިރު، ޙަސަން ޢަލީދީދީ ހުށަހަޅާފައިވާ ހެކިންގެ ހެކިބަސް ވަޒަން ކުރުމުގައި ދަށުކޯޓުން ގޯހެއް ހަދާފައިވާކަމަށް ބެލެވެން ނެތްކަމުގައި ބަޔާންވެފައިވެއެވެ.
ތިމާގެ ކަމުގެ ގުޅުން އުސްއަލިކޮށް ޢާމިރު ޔޫސުފްގެ ފަރާތުން ދައްކާފައިވާ ވާހަކަތަކަށް ބަލާއިރު، އެ ކަމަކީ ހައިކޯޓުން ގޮތެއް ކަނޑައަޅާފައިވާ ކަމެއް ކަމުގައި ވީނަމަވެސް، އެކަމާމެދު ހައިކޯޓުން ނިންމާފައިވާ ގޮތް ޤާނޫނާ ޚިލާފުވަނީ ކިހިނަކުން ކަމެއް ނުވަތަ ހައިކޯޓުގެ ނިންމުން ޤާނޫނީ ގޮތުން ދެކޮޅު ނުޖެހޭ ސަބަބެއް ޢާމިރު ޔޫސުފްގެ ފަރާތުން ސުޕްރީމް ކޯޓުގައި ފާހަގަ ކޮށްފައިނުވެއެވެ. ކަންމިހެން އޮތުމުން އަޙްމަދު އިރުފާން ޢަލީގެ ހެކިބަހާމެދު ޢާމިރު ޔޫސުފްގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާއާއަކީ ޝަރީޢަތުން އެ ނުކުތާއާމެދު ގޮތެއް ނިންމޭނެ ފަދައަކުން އޮތް ނުކުތާއެއް ކަމުގައި އަހުރެން ނުދެކެމެވެ.
ޢާމިރު ޔޫސުފް ހުށަހެޅި ހެކިންނާމެދު
ހެކިންގެ ހެކިބަސް ހައިކޯޓުން ވަޒަންކޮށްފައިވަނީ އެއް މިންގަނޑަކުން ނޫންކަމުގައި ބުނެ ޢާމިރު ޔޫސުފް ފާހަގަ ކުރާ އެންމެ ފަހު ނުކުތާއަކީ، ޢާމިރު ޔޫސުފްގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި ދެ ހެކިންގެ ހެކިބަހަށް ހައިކޯޓުން ގޮތެއް ނިންމާފައިނުވާ ކަމުގައި ބުނެ ފާހަގަ ކުރި ނުކުތާއެވެ.
މި ނުކުތާ ތަފުސީލު ކުރަމުން ޢާމިރު ޔޫސުފްގެ ފަރާތުން ބުނެފައިވަނީ، މ. ޏަމްޏަމްގެ އިސްމާޢިލް ޝަރީފު ދައްކާފައިވާ ވާހަކަތަކަށް ބަލާއިރު، ޢާމިރު ޔޫސުފްގެ އަމިއްލަ ޚަރަދުގައި މ. ޔުޒުނީގައި ޢިމާރާތެއް ބިނާކުރުމަށްޓަކައި ހިލައާއި ހިލަވެއްޔާއި، ކޮންކްރީޓް މެޝިނަކާއި، މިފަދަ ތަކެތި ދިންކަމަށާއި، ޢިމާރާތް ހެދުމަށް މިތަކެތި ބޭނުން ކުރި ކަމުގައި އެ ފަރާތުން ބުނެފައިވާ ކަމުގައެވެ. މީގެ އިތުރަށް މ. ޗިޅިޔާގެ އަޙްމަދު ޝާހިދު ހެކިބަސް ދެމުން އޭނާގެ އަތުން ކުޑައަގެއް ދީފައި ޢިމާރާތް ކުރުމަށް ބޭނުންވާތަކެތި ގަނެގެން، މ. ޔުޒުނީގައި ކުރަމުން ދިޔަ އިމާރާތުގެ މަސައްކަތް ކުރުމަށް ގެންދިޔަ ކަމަށާއި، އިމާރަތް ކުރުމަށްޓަކައި ބޭންކުން ލޯނެއް ނެގުމުގެ މަސައްކަތް ޢާމިރު ޔޫސުފް ކުރިކަން އެނގޭ ކަމަށާއި، މި ލޯނުން ލިބުނު ފައިސާގެ ތެރެއިން ކޮންމެވެސް މިންވަރެއް ޙަސަން ޢަލީދީދީއަށް މ. ޔުޒުނީގައި އިމާރާތް ކުރުމުގެ މަސައްކަތްކުރާތީ ޙަވާލު ކުރަން ޢާމިރު ޔޫސުފް ދިޔަކަން އެނގިފައިވާ ކަމަށް ބުނެފައިވާ ކަމުގައެވެ. އަދި މި ކަންކަމަށް ބަލާއިރު، މި މައްސަލައިގައި ވާހަކަ ދެކެވޭ ޢިމާރާތް ކޮށްފައިވަނީ ޢާމިރު ޔޫސުފްގެ ޚަރަދާއި އޭނާގެ ތަކެއްޗާއި އަގު ދީގެންކަން ވަރަށް ރަނގަޅަށް ސާބިތުކޮށްފައިވާކަން އެނގޭ ކަމުގައި ޢާމިރު ޔޫސުފްގެ ފަރާތުން ބުނެފައިވެއެވެ.
ޢާމިރު ޔޫސުފްގެ ފަރާތުން ދައްކާފައިވާ މި ވާހަކަތަކާ ގުޅިގެން ހައިކޯޓުގެ ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓަށް ބަލާއިރު، އެ ފަރާތުން ހުށަހެޅި ހެކިންނާމެދު ހައިކޯޓުން ގޮތެއް ނިންމާފައިވެއެވެ. ނިންމި ގޮތް އެ ރިޕޯޓުގެ 08 ވަނަ ސަފުހާގެ 11 ވަނަ ފޮޅުވަތުން ފެށިގެން ބަޔާންކޮށްފައި ވެއެވެ. ހައިކޯޓުގެ ނިންމުމުގެ ޚުލާޞާއަކީ، މ. ޔުޒުނީގައި ކޮށްފައިވާ އިމާރާތަކީ ޙަސަން ޢަލީދީދީ ކުރި ޢިމާރާތެއްކަން ޙަސަން ޢަލީދީދީ "ހުށަހެޅި ހެކިންގެ ބަހުން ޝަރީޢަތަށް ޤަބޫލު ކުރެވޭ މިންވަރަށް ސާބިތު ކޮށްދީފައިވާކަން އެނގެން އޮތްއިރު، އެކަން ނަފީކުރުމަށް ޢާމިރު ޔޫސުފްގެ ފަރާތުން ހުށަހެޅި ހެކިންގެ ބަހުން އެކަން ނަފީވެގެން ނުދާ" ކަމުގައެވެ.
އިތުރަށް ވަކިވަކިން މި ދެހެކިންގެ ހެކިބަހުގެ ތެރެއިން މ. ޏަމްޏަމްގެ އިސްމާޢިލް ޝަރީފުގެ ހެކިބަހާމެދު ހައިކޯޓުން ފާހަގަ ކޮށްފައިވަނީ، އެއް މިލިއަން ފަސްސަތޭކަހާސް ރުފިޔާގެ އަގުހުރި އިމާރާތެއް، ތިން ލޮރީއެއްހައި ހިލައާއި ވެއްޔާއި ކޮންކްރީޓް މެޝިނަކުން ނިންމާ ނުލެވޭނެ ކަމުގައެވެ. އަދި މ. ޗިޅިޔާގެ އަޙްމަދު ޝާހިދު ބަޔާންކުރާ ލޯނަކީ މ. ޔުޒުނީގައި 04 (ހަތަރެއް) ބުރީގެ ޢިމާރާތެއް އެޅިފަހުން ނެގި ލޯނެއް ކަމުގައެވެ. އަދި އެއީ އެ އިމާރާތް ފައުންޑޭޝަނުން ފެށިގެން 04 (ހަތަރެއް) ވަނަ ބުރިއާ ހަމައަށް އިމާރާތް ކުރުމަށް ނެގި ލޯނެއް ނޫންކަން އެނގޭ ކަމުގައެވެ.
ކަން މިހެން އޮތުމުން ހައިކޯޓުން ޢާމިރު ޔޫސުފްގެ ފަރާތުން ހުށަހެޅި ހެކިންނާމެދު ގޮތެއް ނިންމާފައިވާ ކަން އެނގެއެވެ. އަދި މި ނުކުތާގައި ހައިކޯޓުން އެ ހެކިންނާމެދު ނިންމި ގޮތް ޤާނޫނާ ޚިލާފު ކަމުގައި ޢާމިރު ޔޫސުފްގެ ފަރާތުން ވަކި ކަމެއް ފާހަގަ ކޮށްފައިނުވާތީ، މި ނުކުތާގައި އިތުރަށް ގޮތެއް ކަނޑައަޅާނެ ތަނެއް އޮތް ކަމުގައި ނުދެކެމެވެ.
ޢާމިރު ޔޫސުފް ކޮށްފައިވާ ޚަރަދުތަކަށް ރިޢާޔަތް ކޮށްފައިވުމާމެދު
އިސްތިއުނާފީ ފަހު ނުކުތާގައި ޢާމިރު ޔޫސުފް ފާހަގަ ކޮށްފައިވަނީ މ. ޔުޒުނީގައި ބިނާކޮށްފައިވާ ޢިމާރާތް ކުރުމަށް ބޭނުންވާ ތަކެތި ހޯދައި، މަސައްކަތްތަކަށް ޚަރަދުކޮށް އަދި ޢިމާރާތް ނިންމުމަށް ލޯނެއް ނަގައި އިމާރާތް ކުރުމުގެ މަސައްކަތަށް ޚަރަދު ކޮށްފައިވީނަމަވެސް ހައިކޯޓުން އެކަމަށް ރިޢާޔަތް ކޮށްފައިނުވާ ކަމުގައެވެ. މި ނުކުތާ ތަފުސީލު ކުރަމުން ޢާމިރު ޔޫސުފްގެ ފަރާތުން ބުނެފައިވަނީ އޭނާގެ ފަރާތުން މ. ޔުޒުނީ ޢިމާރާތް ކުރުމަށް ތަކެތި ފޯރުކޮށްދިންކަން ހެކިންގެ ހެކިބަހުން އެނގޭ ކަމުގައެވެ. އަދި އޭނާ މި އިމާރާތުގެ މަސައްކަތް ނިންމުމަށްޓަކައި ބޭންކް އޮފް މޯލްޑިވްސް އިން ލޯނެއް ނެގިކަން ވެސް މި މައްސަލައިގެ ވާޤިޢާތަކުން ސާބިތުވާ ކަމުގައެވެ. އަދި މި ޢިމާރާތަކީ ޙަސަން ޢަލީދީދީ ބުނާ ގޮތަށް އޭނާގެ އަމިއްލަ ޚަރަދުގައި ނިންމާފައި ހުރި ޢިމާރާތެއްނަމަ، އެ އިމާރާތް ރަހުނު ކުރުމަށްފަހު، ޢާމިރު ޔޫސުފް ލޯނެއް ނަގަންޖެހޭ ސަބަބެއް ބުއްދީގެ ހަމަތަކުން ނޯންނާނެ ކަމުގައެވެ.
ހައިކޯޓުގެ ނިންމުމަށް ބަލާއިރު، ޢާމިރު ޔޫސުފް ބެންކް އޮފް މޯލްޑިވްސް އިން ލޯނެއް ނަގާފައިވަނީ، މ. ޔުޒުނީގައި ހަދަމުންދާ 04 (ހަތަރެއް) ބުރީގެ އިމާރާތުގެ އެންމެ ފަހުގެ ނިންމުންތައް ނިންމަށް ކަން އެނގޭ ކަން ފާހަގަ ކޮށްފައިވެއެވެ. އަދި މި ލޯނުގެ ފައިސާ ޖަމާކޮށްދިނުމަށް ޢާމިރު ޔޫސުފްގެ ފަރާތުން ބެންކްގައި އެދިފައިވަނީ މުޅިންވެސް ޢާމިރު ޔޫސުފްގެ އެކައުންޓަށްކަން މައްސަލައިގައި ހުށަހެޅިފައިވާ ސިޓީތަކުން އެނގޭ ކަމުގައެވެ. އަދި އެއްވެސް ފައިސާއެއް ޙަސަން ޢަލީދީދީއަށް ޙަވާލުކުރިކަން ޢާމިރު ޔޫސުފްގެ ފަރާތުން ހުށަހެޅި އަޙްމަދު ޝާހިދުގެ ހެކިބަހުން ސާފުކޮށް އެނގެން ނެތް ކަމުގައެވެ.
މީގެ އިތުރުން ޢާމިރު ޔޫސުފްގެ ފަރާތުން ހުށަހެޅި ދެވަނަ ހެކި ކަމުގައިވާ އިސްމާޢީލް ޝަރީފްގެ ހެކިބަހާއި، އަޙްމަދު ޝާހިދުގެ ހެކިބަހަކީ މުޅިން ތަފާތު ހެކިބަހެއް ކަމުގައްޔާއި އެއް ހެއްކަކު ބުނާ ބަހަށް އަނެއް ހެއްކެއްގެ ހެކިބަހުން ބާރު ނުލިބޭކަން ފާހަގަ ކޮށްފައިވެއެވެ.
އެއް ހެއްކެއްގެ ބަހަށް އަނެއް ހެއްކެއްގެ ފަރާތުން ބާރު ލިބޭކަން ނުވަތަ ނޫންކަމަށް ބަލާއިރު، ޙަސަން ޢަލީދީދީއަށް ފައިސާ ދިނުމާމެދު ހަމައެކަނި އެއްޗެއް ބުނެފައިވަނީ، އަޙްމަދު ޝާހިދުއެވެ. ނަމަވެސް އަޙްމަދު ޝާހިދުގެ ހެކިބަހުން ޙަސަން ޢަލީދީދީއާ ފައިސާ ޙަވާލު ކުރިކަން ސާފުކޮށް ބުނެފައިނުވެއެވެ. އެ ހެކިބަހުގައި ލޯނު ފައިސާ ޙަސަން ޢަލީދީދީއާ ޙަވާލުކުރިތޯއެވެ ޢާމިރު ޔޫސުފް ކުރި ސުވާލުގެ ޖަވާބުގައި އަޙްމަދު ޝާހިދު ބުނެފައިވަނީ، "އެ ފައިސާ ނަގައިގެން އެ ފައިސާ ނަގަން އަޅުގަނޑު ޢާމިރާ އެއްކޮށް ބެންކަށް ވެސް ދިޔައިން. އެ ފައިސާ ހިފައިގެން އެސް.ޓީ.އޯ ޓްރޭޑް ސެންޓަރ ވަކި ފްލޯއެއް، ހަމަގައިމުވެސް ގްރައުންޑެއް ނޫން ދިޔައިން. އެ ފައިސާ ހަސަނުއާ ހަވާލު ކުރާށޭ މިދަނީ. ދެން ގޮސްފަ ޢާމިރު ވަނީ އެތެރެއަށް އަޅުގަނޑު ހުރީ ބޭރުގައި މަޑުކޮށްގެން. އެއެރި ފްލޯ ތެރޭގައި." މި ފަދައިންނެވެ. މި ހެކިބަހަށް ބަލާއިރު، ފައިސާ ޙަވާލު ކުރިތަނެއް، ޙަވާލުކުރީ ކިހައި ފައިސާއެއް ކޮން ގޮތަކަށްކަން ފަދަ، މި ހެކިބަހަށް ބުރަދަން ދިނުމަށް ބޭނުންވާނެ ތަފުސީލެއް ފެންނަން ނެތްކަން އެނގެއެވެ. އަދި އަޙްމަދު ޝާހިދުގެ ހެކިބަހުގައި ދެވަނަ ޕޭމަންޓެއްގެ ވާހަކަ ބަޔާންކޮށްފައިވާއިރު، ދެވަނަ ޕޭމަންޓްގެ ފައިސާ ނަގައިގެން "މިއަދު ހަސަނަށް ލާރިދޭންޖެހެއޭ ކިޔާފައި އަޅުގަނޑު ހަނދާންވަނީ، އެ ދުވަހު އަޅުގަނޑެއް ނުއެއްދަން ސީދާ އެތާކަށް" މިފަދައިން ބުނެފައިވާއިރު، ދެވަނަ ޕޭމަންޓެއްގެ ގޮތުގައި ނަމަވެސް ޙަސަން ޢަލީދީދީއަށް ފައިސާއެއް ލިބުނު ކަން ކަށަވަރުކޮށް އަޙްމަދު ޝާހިދު އަށް ބުނެދެވިފައި ނުވާކަން އެނގެއެވެ.
އިސްމާޢީލް ޝަރީފްގެ ވާހަކަތަކަށް ބަލާއިރު، ލޯނު ފައިސާއިން އެއްވެސް މިންވަރެއް ޢާމިރު ޔޫސުފްގެ ފަރާތުން ޙަސަން ޢަލީދީދީއަށް ލިބިފައިވާ ކަމާމެދު އެއްވެސް އެއްޗެއް ބުނެފައިނުވެއެވެ. ލޯނާބެހޭ ގޮތުން އެ ހެކިބަހުގައި ހަމައެކަނި ބަޔާންކޮށްފައިވަނީ ލޯނެއް ނެގިކަން އޭނާއަށް އެނގޭ ކަމުގައެވެ. އަދި އިސްމާޢީލް ޝަރީފްގެ ހެކިބަހުގައި ތިން ލޮރީގެ ތަކެތި ޢާމިރު ޔޫސުފް ފޯރުކޮށްދިން ކަމުގައި ބުނާއިރު، އެ ވާހަކަތަކަކީ އަޙްމަދު ޝާހިދުގެ ހެކިބަހުގައި އެކަމާމެދު ވަކި އެއްޗެއް ބުނެފައިވާ ކަމެއް ނޫންކަން ފާހަގަ ކުރެވެއެވެ.
މީގެ އިތުރަށް ޢާމިރު ޔޫސުފްގެ ފަރާތުން ޙަސަން ޢަލީދީދީއަށް ފައިސާ ފޯރުކޮށްދީފައިވަނީ، ޙަސަން ޢަލީދީދީގެ ފަރާތުން ހުށަހެޅި ކޯޓޭޝަން ބޭންކަށް ހުށަހެޅުމުން އެ ކޯޓޭޝަންގެ މައްޗަށް ކަމުގައި ޢާމިރު ޔޫސުފްގެ ފަރާތުން ސިވިލް ކޯޓުގައި ބުނެފައިވާއިރު، އެކަން ޢާމިރު ޔޫސުފްގެ ފަރާތުން ސާބިތުކޮށްދެވިފައި ނުވެއެވެ. އަދި މި އިޝާރާތް ކުރި ގޮތަށް ފައިސާ ދީފައިވާކަމަށް މ. ޗިޅިޔާވިލާ މުޙައްމަދު ޝާހިދު ހެކިވާނެ ކަމުގައި ބުނެފައިވާއިރު، ކޯޓޭޝަނެއްގެ މައްޗަށް ބިނާކޮށް، ޢާމިރު ޔޫސުފްގެ ފަރާތުން ޙަސަން ޢަލީދީދީއަށް ފައިސާ ދީފައިވާކަމުގެ ތަފުސީލެއް ނުވަތަ އެފަދަ ދޭހައެއް އަޙްމަދު ޝާހިދުގެ ހެކިބަހުން ފެންނަން ނެތެވެ.
ކަންމިހެން އޮތުމުން، ޢާމިރު ޔޫސުފްގެ ފަރާތުން މި ނުކުތާގައި ޢިމާރާތް ކުރުމަށް އޭނާގެ ފަރާތުން ފޯރުކޮށްދީފައިވާ ތަކެއްޗާއި، ކުރި ޚަރަދުގެ މައްޗަށް ހައިކޯޓުން ރިޢާޔަތް ކޮށްފައިނުވާ ކަމުގައި ބުނާ ބުނުމަކީ އަސްލެއް އޮތް ބުނުމެއް ނޫނެވެ.
ހައިކޯޓުގެ ނަންބަރު 2017/HC-A/17 ޤަޟިއްޔާ ނިންމަން ފެންނަ ގޮތް
މަތީގައި ތަފުސީލުކޮށް އަހުރެން މި ބަޔާންކުރި ސަބަބުތައް އެ ގޮތުގެ މަތިން ހުރުމުން ޢާމިރު ޔޫސުފްގެ ފަރާތުން ހުށަހަޅާފައިވާ ކަންކަމުގެ މައްޗަށް ބިނާކޮށް ހައިކޯޓުގެ ނަންބަރު 2017/HC-A/17 ޤަޟިއްޔާގެ ނިންމުމަށް ބަދަލު ގެންނަންޖެހޭފަދަ ސަބަބެއް މި މައްސަލައިގައި އޮތްކަމަށް އަހުރެންނަށް ނުފެނެއެވެ.
މި މައްސަލައިގައި ޙަސަން ޢަލީދީދީއާ ފައިސާ ޙަވާލު ކުރިކަމުގެ ހެކި ހުރިނަމަ، ނުވަތަ ޚަރަދު ކުރިކަމުގެ ހެކި ހުރިނަމަ، އަހުރެންގެ މި ރައުޔު ތަފާތުވީހެވެ. އަދި މި މައްސަލައިގައި ޢާމިރު ޔޫސުފްގެ ފަރާތުން ޙަސަން ޢަލީދީދީއަށް އަދާ ކުރަންޖެހޭ ފައިސާގެ މިންވަރުން އުނިކުރަންޖެހޭ އަދަދެއް ހެއްކާއެކު ޢާމިރު ޔޫސުފްގެ ފަރާތުން ހުށަހެޅިފައިވީނަމަ އެކަމަށް ވެސް އަހުރެން ރިޢާޔަތް ކުރީމުހެވެ. ނަމަވެސް އެފަދަ ހެކިތަކެއް މި މައްސަލައިގައި ހުށަހެޅިފައި ނުވެއެވެ.
ހައިކޯޓުގެ ނަންބަރު 2016/HC-A/563 ޤަޟިއްޔާ
ހައިކޯޓުގެ ނަންބަރު 2016/HC-A/563 ޤަޟިއްޔާއަކީ، މ. ޔުޒުނީގައި ކޮށްފައިވާ ޢިމާރާތުގެ އަގު ކަނޑައަޅާފައި ވަނީ އެ ޢިމާރާތް ކުރުމަށް ފާސްކޮށްފައިވާ 40 (ހަތަރެއް) ބުރީގެ ކުރެހުމުގެ އެސެސްމަންޓުގެ މައްޗަށް ބިނާކޮށް ކަމަށް ވީނަމަވެސް، އެ ޢިމާރާތް 60 (ހައެއް) ބުރިއަށް ހަދާފައި ވުމުންނާއި، އަގު ކަނޑައެޅުމުގައި އެންމެ މަތީގެ ދެ ބުރިއަށް ހިނގި ޚަރަދާމެދު ގޮތެއް ނިންމިފައި ނުވަނީ އޮޅުމަކުން ކަމަށް ވުމުން، ސިވިލް ކޯޓުގެ ނަންބަރު 1203/Cv-C/2015 ޤަޟިއްޔާގެ ނިންމުމަށް ބަދަލު ގެންނަން ޖެހޭކަމަށް ބުނެ ޙަސަން ޢަލީދީދީގެ ފަރާތުން ހައިކޯޓަށް ހުށަހެޅި މައްސަލައެކެވެ.
މި މައްސަލައިގައި ހައިކޯޓުގެ ނިންމުމަކީ، ސިވިލް ކޯޓުގެ ނަންބަރު 1203/Cv-C/2015 ޤަޟިއްޔާގައި 06 (ހައެއް) ބުރީގެ އިމާރާތެއް ކަމުގައި ލިޔެފައިވަނީ އޮޅުމަކުން ކަމުގައި ޤަބޫލު ކުރެވޭ ކަމުގައެވެ. ސަބަބެއް ކަމުގައި ފާހަގަ ކޮށްފައިވަނީ، އެ ޢިމާރާތް ބޭންކް އޮފް މޯލްޑިވްސްއިން އެސެސްކޮށްފައިވާ އެސެސްމަންޓަށް ބަލާއިރު، އެއީ 04 (ހަތަރެއް) ބުރީގެ ޢިމާރާތެއް ކަމުގައި އޮތުމާއި، މި މައްސަލައިގައި ހުށަހެޅިފައިވާ ރަހުނު އެގްރީމެންޓްގައި ވެސް އެ ޢިމާރާތަކީ 04 (ހަތަރެއް) ބުރީގެ ޢިމާރާތެއް ކަމުގައި ބަޔާންވެފައި އޮތް އޮތުމެވެ. ކަން މިހެން އޮތުމުން 04 (ހަތަރެއް) ބުރިއަށް ވުރެ އިތުރަށް ހަދާފައިވާ 02 (ދޭއް) ބުރިއަށް ހިނގާފައިވާ ޚަރަދު ހޯދުމަށް ޙަސަން ޢަލީދީދީގެ ފަރާތުން ސިވިލް ކޯޓަށް ހުށަހަޅައިފިނަމަ، ޝަރީޢަތަށް ސާބިތުވާ ގޮތެއްގެ މަތިން އެ 02 (ދޭއް) ބުރީގެ އަގު ޙަސަން ޢަލީދީދީއަށް ނަގައިދޭންޖެހޭނެ ކަމުގައި ހައިކޯޓުން ނިންމާފައިވެއެވެ.
އިސްތިއުނާފީ ނުކުތާތަކާއި އެ ނުކުތާތަކުގެ ރައްދު
ހައިކޯޓުގެ މި ނިންމުން އިސްތިއުނާފު ކުރަމުން ޢާމިރު ޔޫސުފްގެ ފަރާތުން ފާހަގަ ކޮށްފައިވަނީ އަންނަނިވި ދެ ނުކުތާއެކެވެ.
ފުރަތަމަ ނުކުތާއަކީ، މ. ޔުޒުނީގައި ކޮށްފައިވާ ޢިމާރާތުގެ އެންމެ މަތީގެ 02 (ދޭއް) ފަންގިފިލާގެ އަގު ލިބިފައިނުވާ ކަމަށް ބުނެ ޙަސަން ޢަލީދީދީގެ ފަރާތުން އިސްތިއުނާފު ކުރި ނުކުތާގެ ޙަޤީޤަތަށް ބެލުމެއް ނެތި މައްސަލަ ނިންމާފައިވާ ކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
ދެވަނަ ނުކުތާއަކީ، ޢިމާރާތް ކުރުމަށް ދިޔަ ޚަރަދު އިސްތިއުނާފު ރައްދުވާ ފަރާތަށް ލިބެންޖެހޭ ކަމަށް ދަށުކޯޓުން ބެލި އަސާސް ކަމުގައިވާ 15 މެއި 2005 ގައި ދެފަރާތުން ވެފައިވާ ކަމަށް ބުނާ އެއްބަސްވުމުގައި ބަޔާންކުރާގޮތާ ޚިލާފަށް އިސްތިއުނާފް ރައްދުވާ ފަރާތަށް އިމާރާތުގެ މަތީ ދެފަންގިފިލާގެ އަގުގެ ގޮތުގައި ޝަރީޢަތަށް ސާބިތުވާ މިންވަރެއް އިސްތިއުނާފު ރައްދުވާ ފަރާތަށް ލިބިދިނުމަށް އަންގައި ހައިކޯޓުން މައްސަލަ ނިންމާފައިވާ ކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
މި ދެ ނުކުތާގެ ތަފުސީލުގައި ޢާމިރު ޔޫސުފްގެ ފަރާތުން ބުނެފައިވަނީ، ޢިމާރާތް ކުރުމަށް ޚަރަދު ކުރިކަން ސާބިތު ކުރުމަށް ޙަސަން ޢަލީދީދީގެ ފަރާތުން ހެއްކެއް ހުށަހަޅާފައިނުވާ ކަމުގައިއާއި، މުޅި މައްސަލަ ބިނާކޮށްފައި އޮތީ، 15 މެއި 2005 ގައި ޢާމިރު ޔޫސުފް އާއި ޙަސަން ޢަލީދީދީއާ ދެމެދު ސޮއިކުރެވުނު ކަމަށް ބުނާ "ޑްރާފްޓް" އެގްރިމެންޓްގެ މައްޗަށް ކަމުގައެވެ. އަދި މ. ޔުޒުނީގައި ޢިމާރާތް ކުރުމަށް ޚަރަދު ކޮށްފައިވަނީ ޢާމިރު ޔޫސުފް ކަމުގައިއާއި، އެކަން ސާބިތު ކުރުމަށް ހެކި ހުށަހަޅާފައިވާ ކަމުގައިއާއި، މައްސަލައިގެ ވާޤިޢާތަކުން އެކަން ކަށަވަރުވާ ކަމުގައެވެ. ނަމަވެސް، މިފަދަ އެއްވެސް ކަމަކަށް ހައިކޯޓުން މައްސަލަ ނިންމުމުގައި ރިޢާޔަތް ކޮށްފައި ނުވާ ކަމުގައެވެ.
ޢާމިރު ޔޫސުފްގެ ފަރާތުން ހައިކޯޓުގެ ނަންބަރު 2016/HC-A/563 ޤަޟިއްޔާ އިސްތިއުނާފު ކުރަމުން ދައްކާފައިވާ ވާހަކަތަކާމެދު ޖުމުލަ ގޮތެއްގައި ޙަސަން ޢަލީދީދީގެ ފަރާތުން ބުނެފައިވަނީ އެ ވާހަކަ ތަކުގައި ޤާނޫނީ އެއްވެސް ބުރަދަނެއް ނެތް ކަމުގައެވެ. އަދި ހައިކޯޓުގެ އެ މައްސަލަ ނިންމާފައި އޮތް ގޮތުން ޙައްޤެއް ނުލިބިގެން އުޅެންޖެހޭ ނަމަ އެ ފަރާތަކީ ވެސް އުސޫލެއްގެ ގޮތުން ޙަސަން ޢަލީދީދީ ކަމުގައިއާއި، އެހެނީ ހައިކޯޓުން އެ މައްސަލަ ނިންމަމުން ފާހަގަ ކޮށްފައިވަނީ އަލުން ސިވިލް ކޯޓަށް އެ ދެ ފަންގިފިލާއަށް ކުރި ޚަރަދު ހޯދުމަށް ހުށަހަޅައިފިނަމަ، ޝަރީޢަތަށް ސާބިތުވާ ގޮތެއްގެ މަތިން އެ ޚަރަދު ނަގައިދޭންޖެހޭނެ ކަމުގައި ވުމުން ޙަސަން ޢަލީދީދީގެ ޙައްޤު ހޯދުމުގެ މަގު ދިގުވެފައިވާ ކަމުގައެވެ.
ޝަރީޢަތުން ގޮތެއް ކަނޑައެޅުން
ސިވިލް ކޯޓުގެ ނަންބަރު 1203/Cv-C/2015 ޤަޟިއްޔާގައި މ. ޔުޒުނީ ގޭގައި ޢިމާރާތް ކޮށްފައިވަނީ 04 (ހަތަރެއް) ބުރީގެ ޢިމާރާތެއް ކަމުގައި ބަޔާންކޮށްފައިވަނީ އޮޅުމަކުން ކަމުގައި ބުނެ އެ ޢިމާރާތުގައި ޙަސަން ޢަލީދީދީ ނިންމާފައިވަނީ 06 (ހައެއް) ބުރީގެ ޢިމާރާތެއް ކަމުގައިވާތީ، އެ ޙުކުމަށް ބަދަލު އަންނަންޖެހޭނެ ކަމުގައި ބުނެ ޙަސަން ޢަލީދީދީ އިސްތިއުނާފު ކުރި މި މައްސަލައިގައި ހައިކޯޓުގެ ނިންމުމަކީ، ޙަސަން ޢަލީދީދީ މ. ޔުޒުނީގައި އިތުރު ދެ ފަންގިފިލާއެއް ހެދުމަށް ޚަރަދުކޮށްފައި އޮތް ނަމަ، އަދި އެކަން ސިވިލް ކޯޓަށް ހުށަހަޅައިފި ނަމަ، ޝަރީޢަތަށް އެ ދެ ފަންގިފިލާގެ އަގުގެ ގޮތުގައި ސާބިތުވާ މިންވަރެއް ޙަސަން ޢަލީދީދީއަށް ލިބިދިނުމެވެ. މި ނިންމުން ޤާނޫނާ ޚިލާފު ކަމުގައި ބުނެ ސުޕްރީމް ކޯޓުގައި ޢާމިރު ޔޫސުފްގެ ފަރާތުން ދައްކާފައިވަނީ ހައިކޯޓުގެ ނިންމުން ޤާނޫނާ ޚިލާފުވާ ސަބަބުތައް ހާމަ ކުރުމުގެ ބަދަލުގައި، މި މައްސަލަ އޭނާގެ ފަރާތުން ހައިކޯޓަށް އިސްތިއުނާފު ކުރަމުން ދެއްކި ވާހަކަތަކެވެ. އަލުން ސިވިލް ކޯޓަށް މައްސަލަ ހުށަހަޅައިފިނަމަ، އެ މައްސަލައިގައި ޝަރީޢަތުން ސާބިތުވާ މިންވަރެއް ނަގައިދިނުމަށް ނިންމާފައިވާ ނިންމުން ޤާނޫނީ ގޮތުން ދެކޮޅު ނުޖެހޭ ސަބަބެއް ޢާމިރު ޔޫސުފްގެ ފަރާތުން ހާމަކޮށްފައި ނުވެއެވެ.
ކަންމިހެން އޮތުމުން ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 16 ވަނަ މާއްދާއާ ޙަވާލާދީ އެކަންކަމުގެ މައްޗަށް ބަލައި ޢާމިރު ޔޫސުފްގެ ފަރާތުން ހުށަހެޅި މި އިސްތިއުނާފީ ނުކުތާތަކާމެދު ގޮތެއް ކަނޑައަޅާނެ ތަނެއް އޮތްކަމުގައި ނުދެކެމެވެ. އަދި ޢާމިރު ޔޫސުފްގެ ފަރާތުން ހައިކޯޓުގެ ނަންބަރު 2016/HC-A/563 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް ހުށަހަޅާފައިވާ ކަންކަމުގެ މައްޗަށް ބިނާކޮށް އެ ޤަޟިއްޔާގެ ނިންމުމަށް ބަދަލު ގެންނަންޖެހޭފަދަ ސަބަބެއް މި މައްސަލައިގައި އޮތްކަމަށް އަހުރެންނަށް ނުފެނެއެވެ.
ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްގެ ރައުޔު
މި މައްސަލައިގައި ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ޙުކުމް
ދެންފަހެ، މަތީގައި ބަޔާން ކޮށްފައިވާ ސަބަބުތައް އެގޮތަށް ހުރުމުން؛
ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2017/HC-A/17 ޤަޟިއްޔާއާއި ހައިކޯޓުގެ ނަންބަރު 2016/HC-A/563 ޤަޟިއްޔާއާއި ސިވިލް ކޯޓުގެ ނަންބަރު 1203/Cv-C/2015 ޤަޟިއްޔާ އިން ކޮށްފައިވާ ޙުކުމްތަކަކީ ޤާނޫނީ އުޞޫލުތަކާއި ޢަދުލު އިންސާފުގެ ހަމަތަކާ އެއްގޮތަށް ކޮށްފައިވާ ޙުކުމްތަކެއްކަމަށް ނުވާތީ، ހައިކޯޓުގެ ނަންބަރު 2017/HC-A/17 ޤަޟިއްޔާއާއި ހައިކޯޓުގެ ނަންބަރު 2016/HC-A/563 ޤަޟިއްޔާއާއި ސިވިލް ކޯޓުގެ ނަންބަރު 1203/Cv-C/2015 ޤަޟިއްޔާއިން ނިންމާފައިވާ ނިންމުން ސުޕްރީމް ކޯޓުގައި މިމައްސަލަ ބެލި ފަނޑިޔާރުންގެ އަޣްލަބިއްޔަތުން ބާޠިލުކޮށްފީމެވެ.
މ. ޔުޒްނީގައި ހަދާފައިވާ ޢިމާރާތް ބިނާކުރުމަށް ޚަރަދުކުރި ގޮތާމެދު ގޮތެއް ނިންމުމުގައި، ހުށަހެޅިފައިވާ ހެކިތަކާއި ލިޔުންތަކަށް ރިޢާޔަތް ކޮށްފައިނުވާތީ، އެކަންކަމަށް ރިޢާޔަތްކޮށް، މި ރައުޔުގައި ބަޔާންކޮށްފައިވާ ކަންކަމުގެ އަލީގައި، މިމައްސަލައިގައި އަލުން ހެކި ވަޒަންކޮށް ގޮތެއް ކަނޑައެޅުމަށް، މިމައްސަލަ ސިވިލް ކޯޓަށް ތަޙްވީލު ކުރުމަށްޓަކައި، ކޯޓުތަކުގެ ގާނޫނުގެ 18 ވަނަ މާއްދާއާއި 19 ވަނަ މާއްދާގެ ދަށުން، މި މައްސަލަ ދިވެހި ރާއްޖޭގެ ހައިކޯޓަށް ތަހުވީލުކުރަން، މިމައްސަލަ ބެލި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަޣްލަބިއްޔަތުން ކަނޑައަޅައިފީމެވެ.
މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ:
މަޙާޒު ޢަލީ ޒާހިރުޢަލީ ރަޝީދު ޙުސައިންމުޙައްމަދު އިބްރާހީމް(ރިޔާސަތު)
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.