ދިވެހިރާއްޖޭގެ މަތީ މަރުޙަލާގެ ކޯޓުތަކުން ކަނޑައަޅާފައިވާ ޤާނޫނީ އުޞޫލުތައް

Maldives Legal Precedents

Saeed Lex
[2023] SC 12 · 2021/SC-A/71ސުޕްރީމް ކޯޓު · 5 އޭޕްރީލް 2023

މޯލްޑިވްސް ބޭ ޕްރައިވެޓް ލިމިޓެޑް ވ. މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ

ސުޕްރީމް ކޯޓު
ފަހުގެ ޙުކުމެއްގައި ޙަވާލާދީފައެއް ނުފެނޭޙުކުމުގެ ހާލަތު
ސުޕްރީމް ކޯޓު · 5 އޭޕްރީލް 2023ބާވަތް: މަދަނީ

ޚުލާޞާ

ޚުލާޞާ ނެތް.

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
—
ފަހުގެ ތާރީޚު
—

ނިންމުން

—

ކޯ ޓާމްސް

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

މި ލިޔުމުން އުޞޫލެއް ނުނެގުނު.

ފަނޑިޔާރުން

ބެންޗު
—
ޚިލާފު ރައުޔު
ނެތް

ޝަރީޢަތުގެ ވީޑިއޯ

ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.

މޯލްޑިވްސް ބޭ ޕްރައިވެޓް ލިމިޓެޑް ވ. މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ

ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ ރައުޔު (ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދު އަދި ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިން ތާއީދު ކުރައްވާފައި)

ތަޢާރުފު

މި މައްސަލައަކީ މޯލްޑިވްސް ބޭ ޕްރައިވެޓް ލިމިޓެޑުން އަންގްސާނާ ރިޒޯޓް އެންޑް ސްޕާ މޯލްޑިވްސް، ވެލާވަރު (މީގެ ފަހުން "އަންގްސާނާ ވެލާވަރު ރިޒޯޓް") އަށް ބޭނުންވާ ބައެއް ހަރު މުދާ ސޭންކްޗުއަރީ ސޭންޑްސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް (މީގެ ފަހުން "ސޭންކްޗުއަރީ ސޭންޑްސް") އަށް ވިއްކާފައިވާ މުޢާމަލާތްތަކާއި ގުޅިގެން، މި މުޢާމަލާތްތަކުން ގުޑްސް އެންޑް ސަރވިސް ޓެކްސް (މީގެ ފަހުން "ޖީ.އެސް.ޓީ") ގެ ގޮތުގައި ދައްކަންޖެހޭ ރޭޓާ މެދު މޯލްޑިވްސް ބޭ ޕްރައިވެޓް ލިމިޓެޑާއި މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީގެ ފަހުން "މީރާ") އާ ދެމެދު އުފެދިފައިވާ ޚުޞޫމާތަކާ ގުޅޭ މައްސަލައެކެވެ.

މި ޚުޞޫމާތުގެ މައްޗަށް މޯލްޑިވްސް ބޭ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން މީރާއާ ދެކޮޅަށް ޓެކްސް އެޕީލް ޓްރައިބިއުނަލްގައި ދެ މައްސަލައެއް ހުށަހެޅިއެވެ. މި ދެ މައްސަލަ ބަލާފައިވަނީ ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ނަންބަރު TAT-CA-G/2018/002 މައްސަލައިގައާއި ޓްރައިބިއުނަލްގެ ނަންބަރު TAT-CA-G/2018/003 މައްސަލައިގައެވެ.

މި ދެ މައްސަލައިގައިވެސް ޓެކްސް އެޕީލް ޓްރައިބިއުނަލުން ނިންމާފައިވަނީ މޯލްޑިވްސް ބޭ ޕްރައިވެޓް ލިމިޓެޑުން ސޭންކްޗުއަރީ ސޭންޑްސްއަށް ވިއްކާފައިވާ، ސޭންޑް ބާޖާއި ފަޔަރ ޕަމްޕް ފަދަ ހަރު މުދަލަކީ މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނުގެ 15 ވަނަ މާއްދާގެ (ހ) ގެ 1 ގައި ލިސްޓުކުރެވިފައިވާ ތަންތަނުންނާއި، އަދި އެ މާއްދާގެ (ހ) ގެ (2) ގައި އިސްތިސްނާ ދީފައިވާ ތަން ފިޔަވައި ލިސްޓުކުރެވިފައިވާ ތަންތަނުން ޚިދުމަތް ލިބިގަންނަމީހާއަށް ވިއްކާ މުދަލުގެ ޢާއްމު މާނައިގައި ހިމެނޭ މުދަލަކަށްނުވާތީ، އެއީ ޓޫރިޒަމް ދާއިރާގެ މުދަލެއް ނޫންކަމަށެވެ.

މީރާގެ ފަރާތުން ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ނަންބަރު TAT-CA-G/2018/002 މައްސަލައާއި ޓްރައިބިއުނަލްގެ ނަންބަރު TAT-CA-G/2018/003 މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރިއެވެ. އަދި ހައިކޯޓުގައި މި ދެ މައްސަލަ ބަލާފައިވަނީ އެކުއެކީގައެވެ. އެއީ ހައިކޯޓުގެ ނަންބަރު 2021/HC-A/18 ގަޒިއްޔާ އާއި އެ ކޯޓުގެ ނަންބަރު 2021/HC-A/19 ގަޒިއްޔާއެވެ. ހައިކޯޓުން ޙުކުމްކޮށްފައިވަނީ ޓްރައިބިއުނަލްގެ މި ދެ ނިންމުން ބާޠިލުކަމަށް ކަނޑައަޅައެވެ.

މިއީ ބުނެވުނު ހައިކޯޓުގެ ނަންބަރު 2021/HC-A/18 ގަޒިއްޔާއާއި އެކޯޓުގެ ނަންބަރު 2021/HC-A/19 ގަޒިއްޔާ އިސްތިއުނާފުކުރުމަށް މޯލްޑިވްސް ބޭ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅުމުން ސުޕްރީމް ކޯޓުން އެ މައްސަލައާމެދު ނިންމި ގޮތެވެ.

މައްސަލައިގެ ފަސްފަހަތް

މޯލްޑިވްސް ބޭ ޕްރައިވެޓް ލިމިޓެޑަކީ އަންގްސާނާ ވެލާވަރު ރިޒޯޓް އޮޕްރޭޓްކުރާ ފަރާތެވެ. ސޭންކްޗުއަރީ ސޭންޑްސްއަކީ އަންގްސާނާ ވެލާވަރު ރިޒޯޓްގެ ވެރިފަރާތެވެ. މޯލްޑިވްސް ބޭ ޕްރައިވެޓް ލިމިޓެޑާއި ސޭންކްޗުއަރީ ސޭންޑްސްއާ ދެމެދު ވެފައިވާ އެއްބަސްވުމެއްގެ ދަށުން މޯލްޑިވްސް ބޭ ޕްރައިވެޓް ލިމިޓެޑުން ސޭންކްޗުއަރީ ސޭންޑްސްއަށް ސޭންޑް ބާޖަކާއި ފަޔަރ ޕަމްޕް ފަދަ ބައެއް ހަރު މުދާ ވިއްކާފައިވެއެވެ.

(ހ) ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ނަންބަރު TAT-CA-G/2018/002 މައްސަލަ

މީރާގެ ނަންބަރު 100487/NOTA-TGST/LBD/2017/14 (12 އޮކްޓޫބަރު 2017) "ނޯޓިސް އޮފް ޓެކްސް އެސެސްމަންޓް" އާއި ނަންބަރު AR-LBD/GST/2017/263 (12 އޮކްޓޫބަރު 2017) "ގުޑްސް އެންޑް ސަރވިސަސް ޓެކްސް އޮޑިޓް ރިޕޯޓު" ގައި މޯލްޑިވްސް ބޭ ޕްރައިވެޓް ލިމިޓެޑުން އަންގްސާނާ ވެލާވަރު ރިޒޯޓްއަށް ބޭނުންވާ ބައެއް ހަރު މުދާ ސޭންކްޗުއަރީ ސޭންޑްސްއަށް ވިއްކުމުގެ މުޢާމަލާތްތަކާ ގުޅިގެން، ޖީ.އެސް.ޓީ ދައްކަންޖެހޭނީ 12% (ބާރަ އިންސައްތަ) ގެ ރޭޓުންކަމަށް ބަޔާންކޮށް، އެ މުޢާމަލާތްތަކާއި ގުޅިގެން އިތުރަށް US$ 17,175.00 (ސަތާރަހާސް އެއްސަތޭކަ ހަތްދިހަ ފަހެއް އެމެރިކާ ޑޮލަރު) ދައްކަންޖެހޭކަމަށް ކަނޑައެޅިއެވެ. މި ނިންމުމަށް އިއުތިރާޒުކޮށް މޯލްޑިވްސް ބޭ ޕްރައިވެޓް ލިމިޓެޑުން ނޯޓިސް އޮފް އޮބްޖެކްޝަންއެއް ހުށަހެޅުމުން، މީރާގެ ނަންބަރު 220-OA/2017/92 (06 މެއި 2018) "އޮބްޖެކްޝަން ރިވިއު ރިޕޯޓު" ގައި ނިންމީ އޮޑިޓާ ގުޅިގެން އިތުރަށް ދައްކަންޖެހޭކަމަށް މީރާއިން ޢަދަދު ކަނޑައަޅާފައިވަނީ ޓެކްސް ނެގުމާބެހޭ ޤާނޫނާ ގަވާއިދުތަކާ އެއްގޮތްވާގޮތުގެ މަތިންކަމަށެވެ. މީރާގެ މި ނިންމުން އިސްތިއުނާފުކުރުމަށް މޯލްޑިވްސް ބޭ ޕްރައިވެޓް ލިމިޓެޑުން ޓެކްސް އެޕީލް ޓްރައިބިއުނަލަށް ހުށަހެޅުމުން، އެ މައްސަލަ ބެލީ ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ނަންބަރު TAT-CA-G/2018/002 މައްސަލައިގައެވެ.

(ށ) ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ނަންބަރު TAT-CA-G/2018/003 މައްސަލަ

މީރާގެ ނަންބަރު 100487/NOTA-TGST/LBD/2017/08 (14 ސެޕްޓެމްބަރު 2017( "ނޯޓިސް އޮފް ޓެކްސް އެސެސްމަންޓް" އާއި ނަންބަރު AR-LBD/GST/2017/018 (14 ސެޕްޓެމްބަރު 2017( "ގުޑްސް އެންޑް ސަރވިސަސް ޓެކްސް އޮޑިޓް ރިޕޯޓު" ގައި މޯލްޑިވްސް ބޭ ޕްރައިވެޓް ލިމިޓެޑުން އަންގްސާނާ ވެލާވަރު ރިޒޯޓްއަށް ބޭނުންވާ ބައެއް ހަރު މުދާ ސޭންކްޗުއަރީ ސޭންޑްސްއަށް ވިއްކުމުގެ މުޢާމަލާތްތަކާ ގުޅިގެން ޖީ.އެސް.ޓީ ދައްކަންޖެހޭނީ 12% (ބާރަ އިންސައްތަ) ގެ ރޭޓުންކަމަށް ބަޔާންކޮށް އެ މުޢާމަލާތްތަކާއި ގުޅިގެން US$ 49,265.00 (ސާޅީސް ނުވަހާސް ދުއިސައްތަ ފަސްދޮޅަސް ފަހެއް އެމެރިކާ ޑޮލަރު) އިތުރަށް ދެއްކުމަށް އެންގިއެވެ. މި ނިންމުމަށް އިއުތިރާޒުކޮށް މޯލްޑިވްސް ބޭ ޕްރައިވެޓް ލިމިޓެޑުން ނޯޓިސް އޮފް އޮބްޖެކްޝަން ހުށަހެޅުމުން، މީރާގެ ނަންބަރު 220-OA/2017/70 (06 މެއި 2018) "އޮބްޖެކްޝަން ރިވިއު ރިޕޯޓު" އިން ނިންމީ އޮޑިޓާ ގުޅިގެން އިތުރަށް ދައްކަންޖެހޭކަމަށް މީރާއިން ޢަދަދު ކަނޑައަޅާފައިވަނީ ޓެކްސް ނެގުމާބެހޭ ޤާނޫނާ ގަވާއިދުތަކާ އެއްގޮތްވާގޮތުގެ މަތިންކަމަށެވެ. މީރާގެ މި ނިންމުން އިސްތިއުނާފުކުރުމަށް މޯލްޑިވްސް ބޭ ޕްރައިވެޓް ލިމިޓެޑުން ޓެކްސް އެޕީލް ޓްރައިބިއުނަލަށް ހުށަހެޅުމުން އެ މައްސަލަ ބެލީ ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ނަންބަރު TAT-CA-G/2018/003 މައްސަލައިންނެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ނަންބަރު TAT-CA-G/2018/002 މައްސަލައާއި ނަންބަރު TAT-CA-G/2018/003 މައްސަލައަކީ އެއް މައުލޫއެއްގެ މައްޗަށް ހުށަހެޅުނު ދެ މައްސަލަކަމުން، މި ދެ މައްސަލައިގައިވެސް ޓްރައިބިއުނަލުން ނިންމި ނިންމުން ބިނާވީ އެއް ސަބަބުތަކެއްގެ މައްޗަށެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލުން މައްސަލަ ނިންމިގޮތް

ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ނަންބަރު TAT-CA-G/2018/002 މައްސަލައާއި ނަންބަރު TAT-CA-G/2018/003 މައްސަލައިގައި ނިންމީ މޯލްޑިވްސް ބޭ ޕްރައިވެޓް ލިމިޓެޑުން ސޭންކްޗުއަރީ ސޭންޑްސްއަށް ވިއްކާފައިވާ، ސޭންޑް ބާޖާއި ފަޔަރ ޕަމްޕް ފަދަ ހަރު މުދަލަކީ ޓޫރިޒަމް ދާއިރާގެ މުދަލެއްނޫންކަމަށެވެ. މި ގޮތަށް ނިންމާފައިވަނީ އަންނަނިވި ސަބަބުތަކުގެ މައްޗަށް ބުރަވެއެވެ.

މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނުގެ 15 ވަނަ މާއްދާގެ ދަށުން ޓޫރިޒަމް ދާއިރާގެ މުދަލެއްކަމަށް ބެލެވޭނީ، އެ މާއްދާގައި ބަޔާންކޮށްފައިވާ ތަނަކުން ވިއްކާ މުދާކަން؛

މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނުގެ 15 ވަނަ މާއްދާގެ (ހ) ގެ 2 ވަނަ ނަންބަރުގައި ޚާއްޞަ ލަފުޒުތަކަކުން ބަޔާންކޮށްފައި އެވަނީ އެފަދަ ތަންތަނުން ޚިދުމަތް ލިބިގަންނަ މީހާއަށް އަމާޒުކޮށް ޚިދުމަތް ދިނުމަށް ޤާއިމްކޮށްފައިވާ ތަންތަން ކަމަށްވެފައި، އެއަށްފަހު "އެނޫންވެސް އެފަދަ ތަންތަނުން" ކަމަށް ބުނެ މި ޢާއްމު ލަފުޒުން ޙަވާލާދީފައި އެވަނީ ބުނެވިދިޔަ ޚާއްޞަ ގިންތީގެ ތަންތަނަށްކަން؛

ސޭންކްޗުއަރީ ސޭންޑްސްއަށް ވިއްކާފައިވާ ސޭންޑް ބާޖްއާއި ފަޔަރ ޕަމްޕް ފަދަ ހަރުމުދަލަކީ މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނުގެ 15 ވަނަ މާއްދާގެ (ހ) (1) ވަނަ ނަންބަރުގައި ލިސްޓުކުރެވިފައިވާ ތަންތަނުން ޚިދުމަތް ލިބިގަންނަ މީހާއަށް ވިއްކާ މުދަލުގެ ޢާއްމު މާނައިގައި ހިމެނޭ މުދަލެއް ނޫންކަމާއި، މިނިސްޓްރީ އޮފް ޓޫރިޒަމްގައި ރަޖިސްޓްރީކޮށްފައިވާ ޓޫރިސްޓް އެސްޓެބްލިޝްމަންޓުން ޚިދުމަތް ލިބިގަންނަ މީހާއަށް އަމާޒުކޮށް ޚިދުމަތް ދިނުމަށް ނުވަތަ މުދާ ވިއްކުމަށް ޤާއިމުކޮށްފައިވާ (ޤާނޫނުގެ 15 ވަނަ މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގައި ބުނާ ފަދަ) ތަންތަނުގައި، ބުނެވިދިޔަ ޒާތުގެ މުދަލަކީ ވިއްކަން ހުންނާނެ ޒާތުގެ މުދަލެއްކަމަށް ނުވާ ހިނދު، ޖީ.އެސް.ޓީ ޤާނޫނުގެ 15 ވަނަ މާއްދާގެ (ހ) (1) އާއި (2) ވަނަ ނަންބަރު، މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނުގެ 3 ވަނަ މާއްދާގެ (ހ) ގެ ތަރަހައިގައި މާނަކުރާއިރު ސޭންޑް ބާޖްއާއި ފަޔަރ ޕަމްޕް ފަދަ ހަރު މުދަލަކީ ޓޫރިޒަމް ދާއިރާގެ މުދާކަމުގައި މާނަކުރާނެ ޖާގައެއް ނެތްކަން؛

މޯލްޑިވްސް ބޭ ޕްރައިވެޓް ލިމިޓެޑުން ވިއްކާފައިވާ ހަރު މުދަލުގެ އިންވޮއިސްގައި ރަނގަޅު ނޫން ޓެކްސް ޕޭޔަރ އައިޑެންޓިފިކޭޝަން ނަންބަރެއް (މީގެ ފަހުން "ޓިން") ބޭނުންކޮށްފައިވީނަމަވެސް، އަދި ރަނގަޅު ދާއިރާގައި ރަޖިސްޓްރީކޮށްފައި ނެތްކަމުގައި ވީނަމަވެސް، އެ މުދަލަކުން ނުވަތަ ޚިދުމަތަކުން ޖީ.އެސް.ޓީ ނަގަންވާނީ ކޮން ރޭޓަކުންތޯ ކަނޑައަޅާނީ މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނުގެ 15 ވަނަ މާއްދާ އާއި 16 ވަނަ މާއްދާގައިވާ ކަންކަމަށް ރިޢާޔަތްކުރުމަށްފަހުގައިކަން؛

މި ސަބަބުތަކުގެ މައްޗަށް ބުރަވެ ޓެކްސް އެޕީލް ޓްރައިބިއުނަލުން މައްސަލަ ނިންމާފައިވަނީ ސޭންކްޗުއަރީ ސޭންޑްސްއަށް ވިއްކާފައިވާ، ސޭންޑް ބާޖާއި ފަޔަރ ޕަމްޕް ފަދަ ހަރު މުދަލަކީ މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނުގެ 15 ވަނަ މާއްދާގެ (ހ) ގެ 1 ގައި ލިސްޓުކުރެވިފައިވާ ތަންތަނުންނާއި، އަދި އެ މާއްދާގެ (ހ) ގެ (2) ގައި އިސްތިސްނާ ދީފައިވާ ތަން ފިޔަވައި ލިސްޓުކުރެވިފައިވާ ތަންތަނުން ޚިދުމަތް ލިބިގަންނަ މީހާއަށް ވިއްކާ މުދަލުގެ ޢާއްމު މާނައިގައި ހިމެނޭ މުދަލަކަށްނުވާތީ، އެއީ ޓޫރިޒަމް ދާއިރާގެ މުދަލެއް ނޫންކަމަށެވެ.

ހައިކޯޓުން މައްސަލަ ނިންމިގޮތް

މީރާގެ ފަރާތުން ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ނަންބަރު TAT-CA-G/2018/002 މައްސަލައާއި، އެ ޓްރައިބިއުނަލްގެ ނަންބަރު TAT-CA-G/2018/003 މައްސަލައިގެ ނިންމުން ހައިކޯޓުގައި އިސްތިއުނާފުކުރިއެވެ. އަދި ހައިކޯޓުގެ ނަންބަރު 2021/HC-A/18 ގަޒިއްޔާއާއި އެކޯޓުގެ ނަންބަރު 2021/HC-A/19 ގަޒިއްޔާގައި ނިންމީ ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މި ދެ ނިންމުން ބާޠިލުކޮށެވެ. އެގޮތުން، މޯލްޑިވްސް ބޭ ޕްރައިވެޓް ލިމިޓެޑަކީ ޓޫރިޒަމް ދާއިރާގެ ޖީ.އެސް.ޓީއަށް ރަޖިސްޓްރީކޮށްފައިވާ ފަރާތެއްކަމަށާއި، އަދި އެފަރާތުގެ މައިގަނޑު މަސައްކަތަކީ ރިޒޯޓު އޮޕަރޭޓްކޮށް ސަރވިސް ދިނުމާ ގުޅުންހުރި ކަންކަންކަމާއި، އެފަރާތުން އެ ދާއިރާގެ ޖީ.އެސް.ޓީއަށް ރަޖިސްޓްރީކުރުމުން، އެފަރާތުން ވިއްކާ މުދަލާއި ދޭ ޚިދުމަތަކީ ޓޫރިޒަމް ދާއިރާގެ މުދަލާއި ޚިދުމަތްކަމަށް ފުރަތަމަ ނަޒަރުންވެސް ބެލެވޭނެކަމަށާއި، އޭގެ އިތުރުން މި މައްސަލައިގައި ހިމެނޭ މުޢާމަލާތުގައި އިންވޮއިސް ދޫކޮށްފައިވަނީ މޯލްޑިވްސް ބޭ ޕްރައިވެޓް ލިމިޓެޑުގެ ޓޫރިޒަމް ދާއިރާގެ ޓިންގެ ދަށުންކަމަށް ހައިކޯޓުން ކަނޑައަޅާފައިވެއެވެ.

އަދި މި މައްސަލައިގައިވާ މުދާ ޓޫރިޒަމް ދާއިރާގެ މުދަލާއި ޚިދުމަތުން އިސްތިސްނާ ކުރެވިދާނެ މުދަލެއްތޯ ބަލާއިރު، އެ މުދާ ވިއްކާފައިވަނީ މޯލްޑިވްސް ބޭ ޕްރައިވެޓް ލިމިޓެޑުން ހިންގާ އަންގްސާނާ ވެލާވަރު ރިޒޯޓުގައި މުވައްޒަފުންނަށް ޚާއްޞަކޮށްގެން ހިންގާ ފިހާރައަކުން ނޫންކަމުން، މޯލްޑިވްސް ބޭ ޕްރައިވެޓް ލިމިޓެޑުން ވިއްކާފައިވާ ހަރު މުދަލަކީ ޓޫރިޒަމް ދާއިރާގެ މުދާކަމުގައި ޤާނޫނީގޮތުން އިފްތިރާޟްކުރެވޭކަމަށެވެ. އަދި އެނޫންގޮތަކަށް ވިއްކާފައިވާ މުދަލެއްނަމަ، އެކަން ސާބިތުކޮށްދިނުމުގެ ބުރަ މޯލްޑިވްސް ބޭ ޕްރައިވެޓް ލިމިޓެޑުން އުފުލަންޖެހޭ ހިނދު، އެ ކުންފުންޏަށް އެކަން ސާބިތުކޮށްދެވިފައި ނުވާކަމަށެވެ.

ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރެވުނު ނުކުތާތައް

ހައިކޯޓުގެ ނަންބަރު 2021/HC-A/18 ގަޒިއްޔާއާއި ނަންބަރު 2021/HC-A/19 ގަޒިއްޔާ އެ ކޯޓުން ނިންމާފައިވާ ގޮތް ޤާނޫނީ އުޞޫލުތަކާ އެއްގޮތްނުވާކަމަށް ބުނެ މޯލްޑިވްސް ބޭ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އެ ދެ މައްސަލަ އިސްތިއުނާފުކުރަމުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް އަންނަނިވި ދޭއް (02) ނުކުތާ ހުށަހެޅިއެވެ.

13.1 މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނުގެ 15 ވަނަ މާއްދާ އާއި 16 ވަނަ މާއްދާގެ ދަށުން ވަކި މުޢާމަލާތަކަށް ތަޠުބީޤުކުރަންޖެހޭ ޖީ.އެސް.ޓީ ރޭޓް ކަނޑައެޅުމަށް ޖީ.އެސް.ޓީއަށް ރަޖިސްޓްރީކޮށްފައިވާ ސެކްޓަރއަށް ނުވަތަ ކުންފުނީގެ މައިގަނޑު މަސައްކަތަށް ނުވަތަ އިންވޮއިސްގައިވާ ޓިންއަށް ބަލަންޖެހޭ ކަމަށް ކަނޑައަޅާފައިވަނީ ޤާނޫނީ އަސާސެއްގެ މައްޗަށް ކަމުގައިނުވާކަން؛ އަދި

އަނެއް ފަރާތުން އިންކާރުނުކުރާ ކަންކަމުގެ މައްޗަށް ވެސް ހެކި ހުށަހަޅަންޖެހޭނެކަމަށް ކަނޑައަޅާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.

މި މައްސަލައިގައި ގޮތެއް ކަނޑައަޅަންޖެހެނީ ރިޒޯޓު އޮޕަރޭޓުކުރުމަށްޓަކައިވި ކުއްޔަށްދިނުމުގެ އެއްބަސްވުމެއްގެ ދަށުން، ރިޒޯޓުގެ ވެރިފަރާތަށް ކުއްޔަށް ހިފި ފަރާތުން ވިއްކި ސޭންޑް ބާޖަކާއި ފަޔަރ ޕަމްޕް ފަދަ ބައެއް ހަރު މުދަލަށް ޖީ.އެސް.ޓީ ދައްކަންޖެހެނީ މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނުގައި ބަޔާންކުރާ ޓޫރިޒަމް ދާއިރާއަށް އެއިރު އޮތް %12 (ބާރަ އިންސައްތަ) ގެ ރޭޓުންތޯ ނުވަތަ އެނޫން އެހެނިހެން މުދަލަށް އެއިރު އޮތް %6 (ހައެއް އިންސައްތަ) ގެ ރޭޓުންތޯއެވެ.

މުދަލާއި ޚިދުމަތުން ޓެކްސް ނެގުން

މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނުގެ 14 ވަނަ މާއްދާގައި، އެ ޤާނޫނުގެ ދަށުން ޖީ.އެސް.ޓީ ބެހިގެންވަނީ މައިގަނޑު ދެ ބާވަތަކަށްކަމަށް ބަޔާންކޮށްފައިވެއެވެ. އެއީ ޓޫރިޒަމް ދާއިރާގެ މުދަލާއި ޚިދުމަތުން ނެގޭ ޖީ.އެސް.ޓީ އާއި އެނޫން ދާއިރާތަކުގެ މުދަލާއި ޚިދުމަތުން ނެގޭ ޖީ.އެސް.ޓީއެވެ.

މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނުގެ 15 ވަނަ މާއްދާގައި ޓޫރިޒަމް ދާއިރާގެ މުދަލާއި ޚިދުމަތްކަމަށް ބަލާ ކަންކަން ބަޔާންކޮށްފައިވެއެވެ. އެ މާއްދާ ތިރީގައި ނަކަލުކޮށްފައިވާނެއެވެ.

15. (ހ) ޓޫރިޒަމް ދާއިރާގެ މުދަލާއި ޚިދުމަތްކަމަށް ބަލާނީ އަންނަނިވި މުދަލާއި ޚިދުމަތްތަކެވެ.

(1) ޓޫރިޒަމާބެހޭ މިނިސްޓްރީން ހުއްދަ ލިބިގެން ހިންގާ ޓޫރިސްޓް ރިޒޯޓުތަކާއި، ޓޫރިސްޓް ހޮޓާތަކާއި، ގެސްޓްހައުސްތަކާއި، ޕިކްނިކް އައިލެންޑްތަކާއި، ޓޫރިސްޓު އުޅަނދުތަކާއި، ޔޮޓް މެރީނާތަކުން ވިއްކާ މުދަލާއި ދޭ ޚިދުމަތް؛

(2) މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ތަންތަނުގައި މުވައްޒަފުންނަށް ޚާއްޞަކުރެވިގެން ހިންގާ ފިހާރަތައް ފިޔަވައި އެ ތަންތަނުގައި ޤާއިމްކޮށްފައިވާ އެހެން ފިހާރަތަކާއި، ޑައިވިންގ ސްކޫލްތަކާއި، ސްޕާތަކާއި، ވޯޓަރ ސްޕޯރޓްސް ފެސިލިޓީތަކާއި، އެ ނޫންވެސް އެފަދަ ތަންތަނުން ވިއްކާ މުދަލާއި ދޭ ޚިދުމަތް؛

(3) ޓޫރިޒަމާބެހޭ މިނިސްޓްރީން ހުއްދަ ލިބިގެން ހިންގާ ދަތުރު ރާވައި ހިންގުމުގެ ޚިދުމަތްދޭ ފަރާތްތަކުން ވިއްކާ މުދަލާއި ދޭ ޚިދުމަތް؛

(4) ދިވެހިރާއްޖެއަށް އަންނަ ބޭރުގެ ޓޫރިސްޓް އުޅަނދުފަހަރުގެ ކަންތަކާ ޙަވާލުވާ އެޖެންޓުން، އެފަދަ އުޅަނދު ފަހަރަށް ވިއްކާ މުދަލާއި ދޭ ޚިދުމަތް؛

(5) ދިވެހިރާއްޖޭގެ އެތެރޭގެ ވައިގެ ދަތުރުފަތުރުގެ ޚިދުމަތްދޭ ފަރާތްތަކުން ދިވެހިރައްޔިތުން ފިޔަވައި އެހެން ފަރާތްތަކަށް ވިއްކާ މުދަލާއި ދޭ ޚިދުމަތް

ހުށަހެޅިފައިމިވާ މައްސަލައިގައި ޓޫރިޒަމް ދާއިރާގެ މުދަލާއި ޚިދުމަތަށް ޓެކްސް ނެގުނު ރޭޓަކީ ބުނެވިދިޔަ 15 ވަނަ މާއްދާގެ (ށ) ގެ (4) ވަނަ ނަންބަރުގެ ދަށުން %12 (ބާރަ އިންސައްތަ) ގެ ރޭޓެވެ.

މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނުގެ 16 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ އެ ޤާނޫނުގެ 15 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މުދަލާއި ޚިދުމަތް ފިޔަވައި، އެ ނޫން ދާއިރާތަކުގައި ވިއްކާ މުދަލާއި ދޭ ޚިދުމަތުގެ އަގުން ޖީ.އެސް.ޓީ ނަގާ މިންވަރާ ގުޅޭގޮތުންނެވެ. ޤާނޫނުގެ 15 ވަނަ މާއްދާއާއި 16 ވަނަ މާއްދާ އެއްކޮށް ކިޔުމުން، ޓޫރިޒަމް ދާއިރާގެ މުދަލާއި ޚިދުމަތަށް ނަގާ ޖީ.އެސް.ޓީއަކީ އެނޫން އެހެން ހުރިހާ ދާއިރާއަކަށް ނަގާ ޖީ.އެސް.ޓީއަށްވުރެ ބޮޑު ރޭޓެއްކަން ސާފެވެ.

މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނުގެ 15 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގެ ސަރީޙަ އިބާރާތުން ޓޫރިސްޓް ރިޒޯޓުތަކާއި، ޓޫރިސްޓް ހޮޓާތަކާއި، ގެސްޓްހައުސްތަކާއި، ޕިކްނިކް އައިލެންޑްތަކާއި، ޓޫރިސްޓު އުޅަނދުތަކާއި، ޔޮޓް މެރީނާތައް ކަމަށް ބަލަނީ ޓޫރިޒަމް ދާއިރާގެ ވިޔަފާރި ކުރުމަށްޓަކައި ޓޫރިޒަމާބެހޭ މިނިސްޓްރީން ހުއްދަ ލިބިގެން ހިންގާ ތަންތަނަށެވެ. އެ ޤާނޫނުގެ 15 ވަނަ މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގައި، (1) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ތަންތަނުގައި ހިންގޭ އެންމެހައި ވިޔަފާރިތަކަށްވެސް ހިނގާނީ ޓޫރިޒަމް ދާއިރާގެ ޖީ.އެސް.ޓީ ރޭޓުކަން އެނގެއެވެ. ނަމަވެސް 15 ވަނަ މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުން އެ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައިވާ ތަންތަނުގައި މުވައްޒަފުންނަށް ޚާއްސަކުރެވިގެން ހިންގާ ފިހާރަތައް އިސްތިސްނާ ކުރެވިފައިވެއެވެ.

އެހެންކަމުން، މި މައްސަލައިގައި ޓެކްސް އެޕީލް ޓްރައިބިއުނަލުންވެސް ފާހަގަކޮށްފައިވާ ފަދައިން، މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނުގެ 15 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރާއި (2) ވަނަ ނަންބަރު އެއްކޮށް ކިޔުމުން ދޭހަވަނީ އެ މާއްދާގައި ބުނާ ޓޫރިޒަމް ދާއިރާގެ ޖީ.އެސް.ޓީ ހިނގާނީ މިނިސްޓްރީ އޮފް ޓޫރިޒަމްގައި ރަޖިސްޓްރީކޮށްފައިވާ ޓޫރިސްޓް އެސްޓަބްލިޝްމަންޓަކުން ޚިދުމަތް ލިބިގަންނަ މީހާއަށް އަމާޒުކޮށް ވިއްކާ މުދަލާއި ޚިދުމަތަށެވެ.

މީގެ އިތުރުން، މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނުގެ 20 ވަނަ މާއްދާގައި ޖީ.އެސް.ޓީ ނެގުން އިސްތިސްނާވާ މުދަލާއި ޚިދުމަތް ބަޔާންކޮށްފައިވާއިރު، އެ ޤާނޫނުގެ 22 ވަނަ މާއްދާގައި ސުން-ރޭޓުގައި ޖީ.އެސް.ޓީ ނެގޭ މުދަލާއި ޚިދުމަތަކީ ކޮބައިކަން ތަފްސީލުކޮށްފައިވެއެވެ.

ވުމާއެކު، މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް އެއްކޮށް ރިޢާޔަތްކުރާއިރު، ޖީ.އެސް.ޓީގެ ގޮތުގައި ދައުލަތަށް ޓެކްސް ނެގުމުގެ ބާރު ކަނޑައެޅިފައިވަނީ ވަކި ވަކި މުދަލާއި ޚިދުމަތުގެ މައްޗަށްކަން ސާފެވެ.

ސުވާލަކީ ޓޫރިޒަމް ދާއިރާގައި ވިޔަފާރިކުރުމަށް ރަޖިސްޓްރީކޮށް، އެ ދާއިރާއަށް ޚާއްސަ ޓިން ނަންބަރެއް ދޫކޮށްފައިވާ ވިޔަފާރިއަކުން ކުރާ އެންމެހައި މުޢާމަލާތްތަކަށް ޖީ.އެސް.ޓީ ދައްކަންޖެހޭނީ ޓޫރިޒަމް ދާއިރާއަށް ޚާއްސަކުރެވިފައިވާ ޖީ.އެސް.ޓީ ރޭޓުން ހެއްޔެވެ؟ ނުވަތަ އެ ވިޔަފާރިއަކުން ޓޫރިޒަމް ދާއިރާގެ ބޭރުންކުރާ އެންމެހައި މުޢާމަލާތްތަކަށްވެސް ޖީ.އެސް.ޓީ ދައްކަންޖެހޭނީ، ހަމައެކަނި އެ ވިޔަފާރި ޓޫރިޒަމް ދާއިރާއަށް ރަޖިސްޓްރީކޮށްފައި އޮތަތީ، ޓޫރިޒަމް ދާއިރާގެ ޖީ.އެސް.ޓީ ރޭޓުން ހެއްޔެވެ؟

މި މައްސަލައިގައި ޖީ.އެސް.ޓީ ރޭޓު ކަނޑައެޅުން

ޓެކުހާ ބެހޭ ކޮންމެ މައްސަލައެއްގައިވެސް ޢަމަލު ކުރަންޖެހޭ ޢާންމު އުސޫލަކީ، އެއްވެސް ފަރާތެއްގެ ކިބައިން ޓެކުހެއް ނެގޭނީ ޤާނޫނެއްގައި ޓެކްސް ނެގިދާނެކަމަށް ބަޔާންކޮށްފައިވާނަމައެވެ. މި ޢާންމު އުސޫލުގެ އަސާސަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 97 ވަނަ މާއްދާގެ (ށ) ގައި ރައްޔިތުންގެ މަޖިލިހުން ފާސްކޮށްފައިވާ ޤާނޫނެއްގައިވާ ގޮތުގެ މަތިން މެނުވީ ވެރިކަން ހިންގާ ފަރާތުން ދައުލަތަށް އާމްދަނީއެއް ހޯދުމަށް އެއްވެސް ޓެކުހެއް ނުވަތަ އެނޫންވެސް އެއްޗެއް ނުނެގޭނެކަމަށް އޮންނަ އޮތުމެވެ.

ޖީ.އެސް.ޓީ ރޭޓު ކަނޑައެޅުމަށް ބަލާއިރު، މީރާއަށްވެސް ޖީ.އެސް.ޓީގެ ރޭޓު ކަނޑައެޅޭނީ ޤާނޫނުގައިވާ ގޮތުގެ މަތިންނެވެ. ޤާނޫނު ތަސައްވުރު ނުކުރާ ކަމެއްގެ މައްޗަށް ބިނާކޮށް، ޖީ.އެސް.ޓީ ގެ ރޭޓު ކަނޑައެޅުމުގެ ބާރު މީރާއަށް ލިބިގެން ނުވެއެވެ.

ހުށަހެޅިފައިމިވާ މައްސަލައިގައި ކަން ހިނގާފައިވާ ގޮތަކީ، ރިޒޯޓު އޮޕަރޭޓަރުގެ ހައިސިއްޔަތުން މޯލްޑިވްސް ބޭ ޕްރައިވެޓް ލިމިޓެޑުން ހަރު މުދާތަކެއް ރިޒޯޓުގެ ވެރިފަރާތް ކަމުގައިވާ ސޭންކްޗުއަރީ ސޭންޑްސްއަށް ވިއްކިއެވެ. މޯލްޑިވްސް ބޭ ޕްރައިވެޓް ލިމިޓެޑަކީ ޓޫރިޒަމް ދާއިރާގައި ވިޔަފާރި ކުރުމަށް ރަޖިސްޓްރީކޮށްފައިވާ ކުންފުންޏެއް ކަމުގައިވާއިރު، މޯލްޑިވްސް ބޭ ޕްރައިވެޓް ލިމިޓެޑުން ސޭންކްޗުއަރީ ސޭންޑްސްއަށް ފޮނުވި އިންވޮއިސްގައިވެސްވަނީ ޓޫރިޒަމް ދާއިރާއަށް ޚާއްސަކޮށްފައިވާ ޓިން ނަންބަރެކެވެ. އަދި އެ އިންވޮއިސްގައި ޖީ.އެސް.ޓީ ހިސާބުކޮށްފައިވަނީ ޓޫރިޒަމް ދާއިރާގެ ޖީ.އެސް.ޓީ ރޭޓު ނޫން އާންމު ރޭޓުންނެވެ. އެއީ މުޢާމަލާތް ހިނގައިދިޔައިރު %6 (ހައެއް އިންސައްތަ) ގެ ޖީ.އެސް.ޓީ ރޭޓެވެ.

މޯލްޑިވްސް ބޭ ޕްރައިވެޓް ލިމިޓެޑާއި ސޭންކްޗުއަރީ ސޭންޑްސްއާ ދެމެދު ސޭންޑް ބާޖަކާއި ފަޔަރ ޕަމްޕް ފަދަ ބައެއް ހަރު މުދާ ގަނެ ވިއްކުމުގެ މުޢާމަލާތް ހިނގާފައިވަނީ މިދެފަރާތުގެ ދެމެދުގައިވެފައިވާ ކުއްޔަށްދިނުމާ ބެހޭ އެއްބަސްވުމުގެ 8 ވަނަ މާއްދާގެ 8.1 ގެ (b) ގެ ދަށުންނެވެ. ބުނެވުނު އަކުރުގައި ޖުމްލަގޮތެއްގައި ބަޔާންކޮށްފައިވަނީ ރިޒޯޓުގެ ބިމާއި އިމާރާތަށް ބޮޑެތި ސްޓްރަކްޗަރަލް ބަދަލުތަކާއި، އުނި އިތުރު ގެނައުމަކީ 8.1 ވަނަ މާއްދާގެ (a) ގައި ތަނުގެ މެއިންޓެނަންސް އާއި މަރާމާތުކުރުމުގެ އިލްތިޒާމްތަކުގެ ތެރޭގައި ހިމެނޭކަމެއް ނޫންކަމަށެވެ. ނަމަވެސް އިސްތިސްނާވާ ހާލަތްތަކަކީ ރިޒޯޓުގެ ވެރިފަރާތް ނުވަތަ ކުއްޔަށްދޭ ފަރާތުން އެދިގެން އެފަރާތުގެ ޚަރަދުގައި ގެންނަ ބޮޑެތި ބަދަލުތަކާއި، ރިޒޯޓު އޮޕަރޭޓަރު ނުވަތަ ކުއްޔަށް ހިފި ފަރާތުގެ ނުވަތަ އެފަރާތުގެ މުވައްޒަފުންގެ އިހުމާލުން ނުވަތަ އެނޫންވެސް އެފަދަ ސަބަބަކާ ހެދި ގެންނަންޖެހޭ ބަދަލުތަކެވެ.

އެއްބަސްވުމުގެ 8 ވަނަ މާއްދާގެ 8.1 ގެ (b) ގައި ރިޒޯޓުގެ ވެރިފަރާތުން އެދިގެން ގެންނަ ބޮޑެތި ބަދަލުތަކަށް ހިނގާނެ ޚަރަދުތަކަކީ ރިޒޯޓުގެ އޮޕަރޭޓިން ކޮސްޓުގެ ގޮތުގައި ހިނގާނެ ޚަރަދުތަކެއް ނޫންކަމުގައި އެ އަކުރުގައި ބަޔާންކޮށްފައިވެއެވެ.

މި މައްސަލައިގައި ސުވާލު އުފެދިފައިވާ އިންވޮއިސްތަކުގައިވެސް މޯލްޑިވްސް ބޭ ޕްރައިވެޓް ލިމިޓެޑާއި ސެންކްޗުއަރީ ސޭންޑްސްއާ ދެމެދު ވެފައިވާ ކުއްޔަށް ދިނުމާބެހޭ އެއްބަސްވުމުގެ 8.1 ވަނަ މާއްދާގެ (b) އާ ހަވާލާދީފައިވެއެވެ. މި ދެ ކުންފުނި ދެމެދު ހިނގާފައިވާ ހަރުމުދާ ގަނެ ވިއްކުމުގެ މުޢާމަލާތްތަކަކީ ރިޒޯޓުގެ ކެޕިޓަލް ޚަރަދުގެ ތެރޭގައި ހިމެނޭ ޚަރަދުތަކެއްކަމާ މެދު ސުޕްރީމް ކޯޓުން ބަލަމުންމިދާ މައްސަލައިގައި މީރާގެ ފަރާތުންވެސް ސުވާލު އުފައްދާފައިނުވެއެވެ.

މި މައްސަލައިގައިވާ މުދަލަށް ހިނގާނީ ޓޫރިޒަމް ދާއިރާގެ އެއިރު ހިނގި %12 (ބާރަ އިންސައްތަ) ގެ ޖީ.އެސް.ޓީ ރޭޓުކަމަށް މީރާއިންބުނެއެވެ. ސަބަބަކީ މޯލްޑިވްސް ބޭ ޕްރައިވެޓް ލިމިޓެޑް ރަޖިސްޓްރީކޮށްފައިވަނީ ޓޫރިޒަމް ދާއިރާގައި ވިޔަފާރިކުރުމަށް ކަމަށްވެފައި، މި މައްސަލައިގައިވާ އިންވޮއިސްތަކުގައި ބޭނުންކޮށްފައިވަނީވެސް އެ ކުންފުންޏަށް ދޫކޮށްފައިވާ ޓޫރިޒަމް ދާއިރާގެ ޓިން ނަންބަރުކަމުގައިވާތީއެވެ.

މީރާއިން މި މައްސަލައިގައި މޯލްޑިވްސް ބޭ ޕްރައިވެޓް ލިމިޓެޑަށް ދޫކުރި އޮބްޖެކްޝަން ރިވިޔު ރިޕޯޓުތަކުގައި، މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގަވާއިދުގެ 3 ވަނަ މާއްދާގެ (ނ) ގައި އެއްވެސް ފަރާތަކުން ޓޫރިޒަމް ދާއިރާގައާއި އެ ނޫން ދާއިރާތަކުގައި ޓެކްސްނެގޭ ހަރަކާތްތައް ހިންގާނަމަ، އެ ދެ ދާއިރާގައި ހިންގާ ހަރަކާތްތައް މީރާގައި ރަޖިސްޓްރީކުރަންވާނީ ދެ ދާއިރާގައި ހިންގާ ޓެކްސްނެގޭ ހަރަކާތްތައް ވަކިންކަމަށް ބަޔާންކޮށްފައި އޮންނަ އޮތުމަށް ހަވާލާދީ ބުނެފައިވަނީ، މީރާއިން ޢާންމުކޮށް ޢަމަލުކުރާ ގޮތަކީ ނުބައި ދާއިރާއަށް ރަޖިސްޓްރީކޮށްފައިވާ މުދަލާއި ޚިދުމަތް، ނުވަތަ އެއްވެސް ދާއިރާއަކަށް ރަޖިސްޓްރީކޮށްފައިނުވާ މުދަލާއި ޚިދުމަތް މީރާއިން ރަނގަޅު ދާއިރާއަށް ރަޖިސްޓްރީކޮށްދޭކަމަށެވެ. ނަމަވެސް ޖީ.އެސް.ޓީ ނެގޭނެ އެންމެ މުދަލެއް ނުވަތަ ޚިދުމަތެއް ގިންތި ކުރެވޭނީ ޓޫރިޒަމް ދާއިރާއަށް ކަމަށް ނުވަތަ ޓޫރިޒަމް ދާއިރާ ފިޔަވައި ދެންހުރި ދާއިރާތަކަށްކަމަށް މީރާއަށް ކަނޑައެޅޭނީ އެފަދަ މުދަލެއް ނުވަތަ ޚިދުމަތެއް ހިމެނޭ ދާއިރާއަކީ ކޮބައިކަން ޖީ.އެސް.ޓީ ޤާނޫނާއި ގަވާއިދުގައި ސަރީޙަކޮށް ބަޔާންކޮށްފައިވާނަމަ ކަމަށެވެ.

މީރާއިން މިބުނާ ބުނުމަށް ބަލާއިރު، އެއްވެސް ޓެކުހެއް ނެގޭނީ ޤާނޫނަކުން ބާރު ލިބިގެންކަމުގައިވާއިރު، މި ރިޕޯޓުގެ 15 ވަނަ ޕެރެގްރާފުން 22 ވަނަ ޕެރެގްރާފްގައިވާ ފަދައިން، ޖީ.އެސް.ޓީ ނެގުމުގެ ބާރު ދައުލަތަށް ލިބިފައިވަނީ މުދަލާއި ޚިދުމަތް ދެ ގިންތިއަކަށް ބެހުމާއެކުގައެވެ. އެއީ ޓޫރިޒަމް ދާއިރާއާއި އެނޫން އެހެނިހެން ދާއިރާތަކެވެ. ވިޔަފާރިއެއް ރަޖިސްޓްރީކޮށްފައިވާ ދާއިރާއެއް ނުވަތަ އެ ވިޔަފާރިން ބޭނުންކުރާ ޓިން ނަންބަރަށް ބިނާކޮށެއް ނޫނެވެ.

މި މައްސަލައިގެ އަސާސީ ވާގިއާތަކަށް ބަލާއިރު، މި މައްސަލައިގައި ހިމެނޭ މުދަލަކީ އަންގްސާނާ ވެލާވަރު ރިޒޯޓުގެ ކެޕިޓަލް ޚަރަދުގެ ގޮތުގައި މޯލްޑިވްސް ބޭ ޕްރައިވެޓް ލިމިޓެޑުން ސޭންކްޗުއަރީ ސޭންޑްސްއަށް ވިއްކި ހަރު މުދާތަކެއްކަމާ މެދު މީރާއިންވެސް ސުވާލު އުފައްދާފައިނުވެއެވެ. މުދަލަކީ ސޭންޑް ބާޖަކާއި ފަޔަރ ޕަމްޕް ފަދަ ބައެއް ތަކެތި ކަމުގައިވާއިރު، އެ ތަކެއްޗަކީ ޓޫރިސްޓް އެސްޓަބްލިޝްމަންޓަކުން ޚިދުމަތް ހޯދަން އައި ފަރާތަކަށް ވިއްކި މުދާތަކެއްނޫނެވެ. މިކަމާ މެދުވެސް މީރާގެ ޚިލާފުވުމެއްނެތެވެ.

މި މައްސަލައިގައިވާ މުޢާމަލާތަށް ޖީ.އެސް.ޓީ ރޭޓު ކަނޑައެޅުން ބިނާވީ މޯލްޑިވްސް ބޭ ޕްރައިވެޓް ލިމިޓެޑް ރަޖިސްޓްރީކޮށްފައިވާ ދާއިރާއާއި މުޢާމަލާތްތަކުގައި ބޭނުންކުރި ޓޫރިޒަމް ދާއިރާގެ ޓިން ނަންބަރަށްކަމުގައިވާއިރު، މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނުގެ ދަށުން ޖީ.އެސް.ޓީ ރޭޓު ކަނޑައަޅާފައިވަނީ މުދަލާއި ޚިދުމަތުގެ ބާވަތަށް ބެލުމާއެކުގައެވެ. މުދަލާއި ޚިދުމަތުގެ ބާވަތަށް ބެލުމެއްނެތި މި ނޫން އެހެން ގޮތަކަށް ޖީ.އެސް.ޓީ ރޭޓު ކަނޑައެޅުމުގެ ބާރު ޤާނޫނުން މީރާއަށް ލިބިދެވިފައިނުވެއެވެ.

ނުބައި ދާއިރާއަކަށް ރަޖިސްޓްރީކޮށްފައިވާ ވިޔަފާރިތަކާއި އެއްވެސް ދާއިރާއަކަށް ރަޖިސްޓްރީ ނުކުރާ ވިޔަފާރިތަކުން ކުރާ މުޢާމަލާތްތަކަށްވެސް ޖީ.އެސް.ޓީ ރޭޓުގެ ބޭނުމަށްޓަކައި ރަނގަޅު ދާއިރާއަށް ރަޖިސްޓްރީކޮށްދޭކަމަށް މީރާގެ ފަރާތުން ބުނާއިރު، އަދި ދެ ދާއިރާގައި ވިޔަފާރިކުރާ ކުންފުނިތަކުން ދެ ދާއިރާއަށްވެސް ރަޖިސްޓްރީކުރަންޖެހޭނެކަމަށް މީރާއިން ކަނޑައަޅާފައިވާއިރު، މި މައްސަލައިގައި ހިމެނެނީ ޓޫރިޒަމް ދާއިރާގެ މުދަލާއި މުޢާމަލާތްތަކެއް ކަމުގައި ބެލުމުގެ ފުރުސަތު ނެތްއިރު، އަދި އެނޫން ގޮތަކަށް މީރާއިންވެސް މުދަލާ މެދު ވަކާލާތު ކޮށްފައިނުވާއިރު، މީރާއިން ޢާންމުކޮށް ޢަމަލުކުރާ އުސޫލުން، މޯލްޑިވްސް ބޭ ޕްރައިވެޓް ލިމިޓެޑްގެ މި މުޢާމަލާތްތަކާ ގުޅިގެން އެ ކުންފުނި ޢާންމު ދާއިރާއަށް ރަޖިސްޓްރީކޮށްދިނުމުގެ ޤާނޫނީ ހުރަހެއްވެސް އެއިރު އޮތްކަމަށް ފާހަގަނުކުރެވެއެވެ.

އެހެންކަމުން ހުށަހެޅިފައިމިވާ މައްސަލައިގައި މޯލްޑިވްސް ބޭ ޕްރައިވެޓް ލިމިޓެޑް ރަޖިސްޓްރީކުރެވިފައިވާ ދާއިރާއާއި އިންވޮއިސްތަކުގައި ބޭނުންކޮށްފައިވާ ޓިން ނަންބަރަށް އެކަނި ރިޢާޔަތްކޮށް، އެ ކުންފުނިން އަންގްސާނާ ވެލާވަރު ރިޒޯޓުގެ ވެރިފަރާތްކަމުގައިވާ ސޭންކްޗުއަރީ ސޭންޑްސްއަށް ވިއްކާފައިވާ ހަރުމުދަލަށް މީރާއިން ޖީ.އެސް.ޓީ ރޭޓު ކަނޑައަޅާފައިވަނީ މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނާ ޚިލާފަށް ކަމުގައި އަހުރެން ދެކެމެވެ.

އިންކާރުނުކުރާ ކަންކަމުގެ މައްޗަށް ހެކި ހުށަހެޅުން

މޯލްޑިވްސް ބޭ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ހުށަހެޅި ދެވަނަ އިސްތިއުނާފީ ނުކުތާގައި މައިގަނޑު ގޮތެއްގައި ބުނެފައިވަނީ ހައިކޯޓުގެ ނަންބަރު 2021/HC-A/18 ގަޒިއްޔާއާއި ނަންބަރު 2021/HC-A/19 ގަޒިއްޔާގައި މުދާ ވިއްކާފައިވަނީ ރިޒޯޓުން (ޓޫރިސްޓް އެސްޓަބްލިޝްމަންޓުން) ނޫންކަން ސާބިތުކޮށްދިނުމުގެ ގޮތުން މޯލްޑިވްސް ބޭ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން އެއްވެސް ލިޔެކިޔުމެއް ހުށަހަޅާފައިނުވާކަމަށް ކަނޑައަޅާފައިވަނީ ޤާނޫނީ އުސޫލުތަކާ އެއްގޮތަށް ނޫންކަމަށެވެ.

އިސްތިއުނާފުކުރެވޭ ހައިކޯޓުގެ ދެ ގަޒިއްޔާގެ 10.7 ވަނަ ޕެރެގްރާފްގައި ޖުމްލަގޮތެއްގައި ފާހަގަކޮށްފައިވަނީ މޯލްޑިވްސް ބޭ ޕްރައިވެޓް ލިމިޓެޑު ވިޔަފާރިކުރުމަށް ރަޖިސްޓްރީކޮށްފައިވާ ދާއިރާއެވެ. އެގޮތުން އެ ކުންފުނީގެ މައިގަނޑު ވިޔަފާރިއަކީ ރިޒޯޓު ހިންގުން ކަމުގައިވާއިރު، އެ ކުންފުނިން ރަޖިސްޓްރީކޮށްފައިވާ ވިޔަފާރީގެ ބޭރުން ހިންގާ މުޢާމަލާތެއްނަމަ އެކަން ސާބިތުކޮށްދިނުމަކީ މޯލްޑިވްސް ބޭ ޕްރައިވެޓް ލިމިޓެޑުގެ ޒިންމާއެއްކަމަށް ހައިކޯޓުން ކަނޑައަޅާފައިވެއެވެ. ނަމަވެސް މިކަން ސާބިތުކޮށްދިނުމަށްޓަކައި އެއްވެސް ލިޔެކިޔުމެއް ހުށަހަޅައި، އެކަން ސާބިތުކޮށްދީފައިނުވާކަމަށް ހައިކޯޓުން ކަނޑައަޅާފައިވެއެވެ.

މޯލްޑިވްސް ބޭ ޕްރައިވެޓް ލިމިޓެޑުގެ މި އިސްތިއުނާފީ ނުކުތާގައި ފާހަގަކޮށްފައިވާ ކަންކަމަކީ، އަދި މީރާއިން އެ ނުކުތާއަށް ދީފައިވާ ޖަވާބަކީ، ޖުމްލަކޮށް މި މައްސަލައިގެ ފުރަތަމަ އިސްތިއުނާފީ ނުކުތާއާވެސް ގުޅިލާމެހިފައިވާ ކަންކަން ކަމުން، މި ނުކުތާއާ ގުޅިގެން އިތުރު ތަފްސީލަކަށް ދާކަށް އަހުރެން ނެތީމެވެ. ނަމަވެސް ޖުމްލަ ކަންތައްތަކެއް ފާހަގަކޮށްލާނަމެވެ.

އެގޮތުން، ކުންފުންޏެއް ރަޖިސްޓްރީކޮށްފައިވާ ވިޔަފާރީގެ ދާއިރާގެ ބޭރުން ވިޔަފާރިކުރާނަމަ، އެކަން ސާބިތުކޮށްދިނުމަކީ އެ ކުންފުނީގެ ޒިންމާއެއްކަމަށް ހައިކޯޓުން ކަނޑައަޅާފައި އޮތް އޮތުމަށް އަހުރެން ތާއީދުކުރަމެވެ. ފުރަތަމަ ކަމަކަށް، ދައުލަތަށް އެއްވެސް ޓެކުހެއް ނެގޭނީ ޤާނޫނެއްގައި އެފަދަ ޓެކުހެއް ނެގިދާނެކަމަށް ބަޔާންކޮށްފައިވާނަމައެވެ. މި އުސޫލު ޖީ.އެސް.ޓީ އާއި އެއިގެ ރޭޓަށްވެސް ހިނގާނެއެވެ. ޓޫރިޒަމް ދާއިރާއަށް ޖީ.އެސް.ޓީ ނަގާ ރޭޓުން އެނޫން އެހެން ދާއިރާއެއްގެ މުދަލާއި ޚިދުމަތަށް ޖީ.އެސް.ޓީއެއް ނުނެގޭނެއެވެ.

ޓެކްސް ނެގުމުގައި ދިވެހިރާއްޖޭގައި ޤާއިމްކޮށްފައިވަނީ ސެލްފް-އެސެސްމަންޓް ނިޒާމެއް ކަމުގައިވާއިރު، ޖީ.އެސް.ޓީ ދެއްކުމުގައި ޓެކްސް ދައްކާފަރާތްތަކުން ކޮންމެ މުޢާމަލާތެއްގެ ތަބީޢަތަށް ވަކިން ނުބަލައި ޓެކްސް ދައްކަންޖެހޭ މިންވަރު ބަޔާންކުރުމަކީ ނާދިރުކަމެކެވެ. މިސާލަކަށް، ޓޫރިޒަމް ދާއިރާގައި ރަޖިސްޓްރީކޮށްފައިވާ ކުންފުންޏެއް އެނޫން އެހެން ދާއިރާއެއްގެ މުދަލެއް ނުވަތަ ޚިދުމަތެއް ވިއްކާފައިވާނަމަ، އެ މުޢާމަލާތަށް އަމިއްލައަށް ޓޫރިޒަމް ދާއިރާގެ ބޮޑު ރޭޓުން ޖީ.އެސް.ޓީ ދައްކަންޖެހޭނެކަމަށް ޑިކްލެއަރ ކުރުމަކީ ނާދިރުކަމެކެވެ.

އެހާލަތުގައި މީރާއިން ކުންފުންޏެއް އޮޑިޓުކޮށް ޖީ.އެސް.ޓީ ދައްކާފައިވާ ރޭޓަކީ ނުބައި ރޭޓެއްކަން ކަނޑައަޅައިފިނަމަ، ޖީ.އެސް.ޓީ ދައްކާފައިވަނީ ރަނގަޅު ރޭޓުންކަން ސާބިތުކޮށްދިނުމުގެ ބުރަ އުފުލަންޖެހޭނީ އެ ކުންފުންޏަށެވެ. ޖީ.އެސް.ޓީގެ ބޭނުމަށްޓަކައި ނުބައި ދާއިރާއެއްގައި ވިޔަފާރި ރަޖިސްޓްރީކުރުމާއި، ނުވަތަ އެއްވެސް ދާއިރާއެއްގައި ރަޖިސްޓްރީނުކޮށް ވިޔަފާރި ކުރުމުން ނިކުންނާނެ ޤާނޫނީ ނަތީޖާއަކީ ބަލަމުންދާ މައްސަލައިގެ ތެރޭގައި ދެކެވިފައިވާ ވާހަކަތަކެއް ނޫންކަމުން، އެ މައުލޫއަށް ދާކަށް ނެތީމެވެ. ނަމަވެސް އެއްވެސް ޓެކުހެއް ނެގޭނީ ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިންކަމުގައިވާއިރު، ކުންފުންޏެއް ނުބައި ދާއިރާއަކަށް ރަޖިސްޓްރީކުރިނަމަވެސް ނުވަތަ އެއްވެސް ދާއިރާއެއްގައި ރަޖިސްޓްރީނުކޮށް ވިޔަފާރި ކުރިނަމަވެސް، އެ ކުންފުންޏަކުން ޖީ.އެސް.ޓީ ނެގޭނީ ހަމައެކަނި ޤާނޫނު ހުއްދަކުރާ މިންވަރަކުންނެވެ.

ހުށަހެޅިފައިމިވާ މައްސަލައިގައި ހިމެނޭ މުދާތަކުގެ ތަބީއަތާމެދު މައްސަލައިގެ ދެފަރާތުންވެސް ސުވާލު އުފައްދާފައިނުވެއެވެ. އެހެންގޮތަކަށް ބުނާނަމަ، މި މައްސަލައިގައި މޯލްޑިވްސް ބޭ ޕްރައިވެޓް ލިމިޓެޑުން ވިއްކި ހަރުމުދަލަކީ އަންގްސާނާ ވެލާވަރު ރިޒޯޓުގެ ކެޕިޓަލް ޚަރަދުގެ ގޮތުގައި ސެންކްޗުއަރީ ސޭންޑްސްއަށް ވިއްކި މުދާކަމާ މެދު މޯލްޑިވްސް ބޭ ޕްރައިވެޓް ލިމިޓެޑްއާއި މީރާއާ ދެމެދު ދެބަސްވުމެއްނެތެވެ. ރިޒޯޓެއްގައި ޓޫރިޒަމް ދާއިރާގެ މުދަލާއި ޚިދުމަތްކަމަށް ބެލެވެނީ އެ ރިޒޯޓުން ޚިދުމަތް ލިބިގަންނަން އަންނަ ފަރާތްތަކަށް ވިއްކާ މުދަލާއި ޚިދުމަތަށް ކަމުގައިވާއިރު، މި މައްސަލައިގައި އެފަދަ ހާލަތެއް ނެތެވެ. އަދި އޮތްކަމަށް މީރާއިންވެސް ދަޢުވާ ނުކުރެއެވެ.

މި މައްސަލައިގެ ވަށައިގެން އެނބުރޭ ޤާނޫނީ ސުވާލަކީ، މޯލްޑިވްސް ބޭ ޕްރައިވެޓް ލިމިޓެޑް ރަޖިސްޓްރީކޮށްފައިވަނީ ޓޫރިޒަމް ދާއިރާގައި ވިޔަފާރިކުރުމަށް ކަމުގައިވާއިރު، އަދި އެ ކުންފުނިން ބޭނުންކުރި އިންވޮއިސްގައިވާ ޓިން ނަންބަރަކީވެސް ޓޫރިޒަމް ދާއިރާގެ ޓިން ނަންބަރެއް ކަމުގައިވާއިރު، ހަމަ އެކަނި އެކަންކަމުގެ މައްޗަށް ބިނާކޮށް، މޯލްޑިވްސް ބޭ ޕްރައިވެޓް ލިމިޓެޑުން ވިއްކި ހަރުމުދަލަށް ޓޫރިޒަމް ދާއިރާގެ ރޭޓުން ޖީ.އެސް.ޓީ ނެގިދާނެތޯއެވެ. ހަރުމުދަލަކީ ކެޕިޓަލް ޚަރަދުގެ ގޮތުގައި ބެލެވޭނެ ތަކެތިކަމަށް މީރާއިންވެސް ޤަބޫލުކުރާ ހާލަތުގައި، މި މައްސަލައިގައި މުދަލުގެ ތަބީއަތާ މެދު، އެއީ، މިއީ ޓޫރިޒަމް ދާއިރާގެ މުދަލެއްތޯ ނުވަތަ ނޫންކަމާ މެދު، މޯލްޑިވްސް ބޭ ޕްރައިވެޓް ލިމިޓެޑުން އިތުރު ކަމެއް ސާބިތުކޮށްދޭންޖެހޭކަމަށް އަހުރެން ނުދެކެމެވެ.

އެހެންކަމުން، ހައިކޯޓުގެ ނަންބަރު 2021/HC-A/18 ގަޒިއްޔާއާއި އެކޯޓުގެ ނަންބަރު 2021/HC-A/19 ގަޒިއްޔާގައި މޯލްޑިވްސް ބޭ ޕްރައިވެޓް ލިމިޓެޑްގެ ވިޔަފާރި ރަޖިސްޓްރީކޮށްފައިވަނީ ޓޫރިޒަމް ދާއިރާއަށް ކަމަށާއި އަދި މި މައްސަލައިގައިވާ އިންވޮއިސްތަކުގައި ބޭނުންކޮށްފައިވާ ޓޫރިޒަމް ދާއިރާގެ ޓިން ނަންބަރަށް އެކަނި ބެލުމަށްފަހު، މި މައްސަލައިގައި ވިއްކާފައިވާ މުދަލަށް ޖީ.އެސް.ޓީ ނަގަންޖެހޭ ރޭޓަކީ ޓޫރިޒަމް ދާއިރާގެ މުދަލަށް ޖީ.އެސް.ޓީ ނަގަންޖެހޭ ރޭޓުކަމަށް ކަނޑައަޅާފައިވަނީ ޤާނޫނީ އުސޫލުތަކާ އެއްގޮތަށް ނޫންކަމުން، ހައިކޯޓުގެ ނަންބަރު 2021/HC-A/18 ގަޒިއްޔާއާއި އެކޯޓުގެ ނަންބަރު 2021/HC-A/19 ގަޒިއްޔާއަކީ ބާޠިލުކުރަންޖެހޭ ދެ ގަޒިއްޔާކަމަށް އަހުރެންނަށް ބުރަވެވެއެވެ. އަދި ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ނަންބަރު TAT-CA-G/2018/002 މައްސަލައާއި ނަންބަރު TAT-CA-G/2018/003 މައްސަލަ ނިންމާފައިވަނީ ޤާނޫނީ އުސޫލުތަކާ އެއްގޮތްވާގޮތުގެ މަތިންކަމުގައި އަހުރެން ދެކެމެވެ.

ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔު

މި މައްސަލައިގައި ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންގެ ރައުޔު

މި މައްސަލައިގައި ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

ޙުކުމް

ދެންފަހެ، އިސްވެ ބަޔާންވެދިޔަ ކަންކަން އެގޮތުގެ މަތިން ހުރުމާއެކު، މޯލްޑިވްސް ބޭ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ހުށަހަޅާފައިވާ އިސްތިއުނާފީ ނުކުތާތަކުގެ މައްޗަށް ބިނާކޮށް، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2021/HC-A/18 ގަޒިއްޔާއާއި އެކޯޓުގެ ނަންބަރު 2021/HC-A/19 ގަޒިއްޔާ ބާޠިލުކަމަށް ކަނޑައަޅައި، ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ނަންބަރު TAT-CA-G/2018/002 މައްސަލައާއި އެ ޓްރައިބިއުނަލްގެ ނަންބަރު TAT-CA-G/2018/003 މައްސަލައިގައި ނިންމާފައިވާ ނިންމުމަށް ތާއީދުކޮށް، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމްކޮށްފީމެވެ.

މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ:

ޢާއިޝާ ޝުޖޫން މުޙައްމަދުއަޒްމިރާލްދާ ޒާހިރުޢަލީ ރަޝީދު ޙުސައިން(ރިޔާސަތު)

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ޝެއަރ ކުރައްވާ