ދިވެހިރާއްޖޭގެ މަތީ މަރުޙަލާގެ ކޯޓުތަކުން ކަނޑައަޅާފައިވާ ޤާނޫނީ އުޞޫލުތައް

Maldives Legal Precedents

Saeed Lex
[2023] SC 53 · 2022/SC-A/81ސުޕްރީމް ކޯޓު · 23 ނޮވެމްބަރު 2023

ސޭވް ދަ ޑްރީމް ޕްރައިވެޓް ލިމިޓެޑް ލައިބިލިޓީ ކޮމްޕެނީ ވ. ޙުސައިން ޝިހާމް ޢަލީ އަދި އިތުރު ފަރާތެއް

ސުޕްރީމް ކޯޓު
ފަހުގެ ޙުކުމެއްގައި ޙަވާލާދީފައެއް ނުފެނޭޙުކުމުގެ ހާލަތު
ސުޕްރީމް ކޯޓު · 23 ނޮވެމްބަރު 2023ބާވަތް: މަދަނީ

ޚުލާޞާ

ޚުލާޞާ ނެތް.

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
—
ފަހުގެ ތާރީޚު
—

ނިންމުން

—

ކޯ ޓާމްސް

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

މި ލިޔުމުން އުޞޫލެއް ނުނެގުނު.

ފަނޑިޔާރުން

ބެންޗު
—
ޚިލާފު ރައުޔު
ނެތް

ޝަރީޢަތުގެ ވީޑިއޯ

ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.

 ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު [2023] SC 53 2022/SC-A/81 ޝަރީއަތް ނިމުނުގޮތް ސޭވް ދަ ޑްރީމް ޕްރައިވެޓް ލިމިޓެޑް ލައިބިލިޓީ ކޮމްޕެނީ ވ. ޙުސައިން ޝިހާމް ޢަލީ އަދި އިތުރު ފަރާތެއް ފަނޑިޔާރުންގެ މަޖިލިސް ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިން ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރު ފަނޑިޔާރު ޙުސްނުއް ސުޢޫދު

ނިމުނު ތާރީޚު 23 ނޮވެމްބަރ 2023

އިސްތިއުނާފު ކުރެވުނު ޤަޟިއްޔާ 2021/HC-A/171 އިސްތިއުނާފު ރައްދުވާ ފަރާތް އިސްތިއުނާފުކުރާ ފަރާތް 1. ޙުސައިން ޝިހާމް ޢަލީ، މއ. ތަނޑިނޫމާގެ، މާލެ (އައިޑީކާޑް ނަންބަރު ސޭވް ދަ ޑްރީމް ޕްރައިވެޓް ލިމިޓެޑް ލައިބިލިޓީ ކޮމްޕެނީ 2. ޢަލީ އުސައިދު، ގ. ޕެންޒީމާގެ، މާލެ (އައިޑީކާޑް ނަންބަރު ކުންފުނި ރަޖިސްޓްރޭޝަން ނަންބަރު FC00092020 ޤާނޫނީ ވަކީލު: ޤާނޫނީ ވަކީލު: އިސްމާޢީލް މުހައްމަދު (ޓޯޓަލް ލީގަލް ސޮލިއުޝަންސް)

އިމްތިޔާޒު ޢަލީ (ޓޯޓަލް ލީގަލް ސޮލިއުޝަންސް) އަޙްމަދު ނާޡިމް އަބްދުއްސައްތާރު (ލިޓިޖެންޓްސް)

މަދަނީ – ފައިސާ ހޯދުން – ޤާނޫނު ނަންބަރު 10/96 (ކުންފުންޏާބެހޭ ގާނޫނު) ގެ 49 ވަނަ މާއްދާގެ (ހ)، 73 ވަނަ މާއްދާގެ (ހ) އަދި (ށ)، 80 ވަނަ މާއްދާގެ (ހ) ގެ (6) އަދި (7) – ކުންފުނީގެ ޑައިރެކްޓަރުންގެ އަމާނާތްތެރިކަމުގެ ވާޖިބު (ފައިޑިއުޝަރީ ޑިއުޓީ) – ބޯޑު ޑައިރެކްޓަރުންގެ މަސްލަޙަތު ފުށުއެރުން – ޑައިރެކްޓަރުކަމުން ވަކިކުރުން – ޑައިރެކްޓަރުން ޑިސްކޮލިފައިކުރުން ފިހުރިސްތު

ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރައުޔު (ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރު އަދި ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިން ތާއީދު ކުރައްވާފައި) 1

ތައާރުފު 1

މައްސަލައިގައި ކަންހިނގާފައިވާ ގޮތް 2

ސިވިލް ކޯޓުން މައްސަލަ ނިންމިގޮތް 6

ހައިކޯޓުން މައްސަލަ ނިންމިގޮތް 9

ސުޕްރީމް ކޯޓަށް ހުށަހެޅި އިސްތިއުނާފު 10

ފުރަތަމަ އިސްތިއުނާފީ ނުކުތާ 10

ދެވަނަ އިސްތިއުނާފީ ނުކުތާ 12

ސުޕްރީމް ކޯޓުން ގޮތެއް ކަނޑައަޅަންޖެހޭ ކަންކަން 13

ޙުސައިން ޝިހާމް ޢަލީ ސޭވް ދަ ޑްރީމް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ގެ ބޯޑުގެ ޑައިރެކްޓަރުކަމުގެ އަމާނާތްތެރިކަމުގެ ވާޖިބާ ޚިލާފަށް އަމަލުކޮށްފައިވޭތޯ ނުވަތަ ނޫންތޯ 13

ބޯޑު ޑައިރެކްޓަރުންގެ މަސްލަހަތު ފުށުއެރުން 17

ޑައިރެކްޓަރުކަމުން ވަކިކުރުން 21

ފައިސާ އަނބުރާ ނަގައިދިނުން 25

ކުންފުނީގެ ސެކްރެޓަރީ ވަކިކުރުން 26

ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުގެ ރައުޔު 27

ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންގެ ރައުޔު 27

ހުކުމް 27

` ސޭވް ދަ ޑްރީމް ޕްރައިވެޓް ލިމިޓެޑް ލައިބިލިޓީ ކޮމްޕެނީ ވ. ޙުސައިން ޝިހާމް ޢަލީ އަދި އިތުރު ފަރާތެއް [2023] SC 53 ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރައުޔު (ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރު އަދި

ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިން ތާއީދު ކުރައްވާފައި) ތައާރުފު

1. މި އިސްތިއުނާފީ މައްސަލައިގައި ކުންފުންޏާބެހޭ ގާނޫނުގެ ވަރަށް މުހިންމު ސުވާލުތަކެއް އުފައްދާފައިވެއެވެ. އެ ސުވާލުތައް އުފައްދާފައިވަނީ ކުންފުނީގެ ބޯޑު ޑައިރެކްޓަރުން ހެޔޮ ނިޔަތުގައި ކުންފުނީގެ މަސްލަހަތުގައި މަސައްކަތްކުރުން ލާޒިމުކުރާ އަމާނާތްތެރިކަމުގެ ވާޖިބާބެހޭ ގޮތުންނެވެ. އަދި އެ ވާޖިބާ ޚިލާފުވުމުގެ ގާނޫނީ ނަތީޖާއާ ބެހޭގޮތުންނެވެ. ޑައިރެކްޓަރުންގެ އަމާނާތްތެރިކަމުގެ ވާޖިބު ލާޒިމުކުރަނީ ކުންފުނީގެ ޑައިރެކްޓަރުން ހެޔޮނިޔަތުގައި ކުންފުނީގެ މަސްލަހަތުގައި ކުންފުނީގެ ކަންކަން ކުރުމަށެވެ. ޑައިރެކްޓަރުންގެ އަމާނާތްތެރިކަމުގެ ވާޖިބު އަދާކުރަންޖެހެނީ، ހެޔޮ ނިޔަތުގައި ކުންފުނީގެ ހުރިހާ ހިއްސާދާރުންގެ މަންފާއަށްޓަކައި ކުންފުނީގެ ކާމިޔާބީއަށެވެ. ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ގާނޫނުގެ ދަށުން މި ވާޖިބުތައް އުފެދިގެން އައިސްފައިވަނީ ކުންފުންޏަކީ ކުންފުނީގެ ހިއްސާދާރުންނާ ވަކިން އުފެދިފައިވާ ވަކި ގާނޫނީ ޝަޚުސެއްކަމަށް ދިވެހިރާއްޖޭގެ ގާނޫނުގައި ބަޔާންކޮށް، ކުންފުނި ހިންގުމުގައި ޒިންމާ އުފުލަންޖެހޭ ފަރާތަކީ ޑައިރެކްޓަރުންގެ ބޯޑުކަމަށް ކަނޑައެޅުމުންނެވެ. ކުންފުންޏަކީ ހިއްސާދާރުންނާ ވަކިން އުފެދިފައިވާ ވަކި ގާނޫނީ ޝަޚުސަކަށް ވެފައި، ކުންފުނީގެ މުދަލަކީ ހިއްސާ ދާރުންގެ މުދަލަކަށް ނުވާތީއާއި، ކުންފުނީގެ މުދަލަކީ ކުންފުނީގެ އަމިއްލަ މުދަލަކަށްވާތީވެ، ކުންފުނީގެ ފަރާތުން ކުންފުނީގެ މުދާ ބަލަހައްޓައި ކުންފުނީގެ ވިޔަފާރި ހިންގައި، ވިޔަފާރީގެ ނިންމުންތައް ނިންމާ ފަރާތަކީ ކުންފުނީގެ ބޯޑުގެ ޑައިރެކްޓަރުން ކަމަށްވާތީވެ، އަމާނާތްތެރިކަމުގެ ވާޖިބުތަކެއް ޑައިރެކްޓަރުންނަށް މަތިވެފައި ވަނީއެވެ. ކުންފުނީގެ ބޯޑު ޑައިރެކްޓަރުންގެ އަމާނާތްތެރިކަމުގެ ވާޖިބުތައް މީގެ ކުރިން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނިންމާފައިވާ ގަޒިއްޔާތަކުގައި ބަޔާންކޮށްފައި ވެއެވެ.1 ބޯޑު ޑައިރެކްޓަރުންގެ އަމާނާތްތެރިކަމުގެ ވާޖިބުތައް ސުޕްރީމް ކޯޓުގެ ގަޒިއްޔާތަކުގައި ސާފުކޮށްދީފައިވަނީ މަކަރާއި ހީލަތް ހުއްޓުވުމަށާއި، ކުންފުނީގެ މުދަލުން އަމިއްލަ މަންފާނެގުން ހުއްޓުވުމަށާއި ކުންފުންޏާއި ކުންފުނީގެ ހިއްސާދާރުންގެ ހައްގުތައް ހިމާޔަތްކުރުމަށެވެ.

2. މި މައްސަލަ އިސްތިއުނާފުކުރަން ހުށަހަޅާފައިވަނީ ސޭވް ދަ ޑްރީމް ޕްރައިވެޓް ލިމިޓެޑް ލައިބިލިޓީ ކޮމްޕެނީ (މީގެ ފަހުން "އިސްތިއުނާފުކުރާ ފަރާތް" ނުވަތަ "ސޭވް ދަ ޑްރީމް ފްރާންސް") ގެ ފަރާތުންނެވެ. މި އިސްތިއުނާފު ރައްދުވަނީ ކ. މާލެ، މއ. ތަނޑިނޫމާގެ، ޙުސައިން ޝިހާމް ޢަލީ އާއި، ކ. މާލެ، ގ. ޕެންޒީމާގެ، ޢަލީ އުސައިދުގެ މައްޗަށެވެ. މި މައްސަލައިގައި އިސްތިއުނާފުކުރެވެނީ ހައިކޯޓުގެ ނަންބަރު 2021/HC-A/171 ގަޒިއްޔާ އެވެ.

މައްސަލައިގައި ކަންހިނގާފައިވާ ގޮތް

3. ކ. މަހާނައެޅި ހުރާގައި ތަރައްގީ ކޮށްފައިވާ ރިހިވެލި ބީޗް ރިޒޯޓަކީ ދިވެހި ސަރުކާރުން މާހަލް ޓުއާޒް ޕްރައިވެޓް ލިމިޓެޑް (މީގެ ފަހުން "މާހަލް ޓުއާޒް") އަށް ކުއްޔަށްދީފައިވާ ޓުއަރިސްޓު ރިޒޯޓެކެވެ. މާހަލް ޓުއާޒް އަކީ މި މައްސަލައިގައި އިސްތިއުނާފު ރައްދުވާ ޙުސައިން ޝިހާމް ޢަލީގެ އާއިލީ ވިޔަފާރި އެކެވެ. އަދި އޭނާއަކީ އެކުންފުނީގެ ހިއްސާދާރެއް އަދި ބޯޑު ޑައިރެކްޓަރެކެވެ. މި ކޯޓަށް ހުށަހެޅިފައިވާ ބައެއް ލިޔުންތަކުގައި ޙުސައިން ޝިހާމް ޢަލީ އަކީ މާހަލް ޓުއާޒްގެ މެނެޖިންގ ޑައިރެކްޓަރުކަމަށް ބަޔާންކޮށްފައިވެއެވެ.2

4. ފަރަންސޭސި ވިލާތުގެ ކުންފުންޏެއް ކަމަށްވާ ސޭވް ދަ ޑްރީމް ފްރާންސް އާއި ޙުސައިން ޝިހާމް ޢަލީއާ ދެމެދު 15 ފެބްރުއަރީ 2018 ގައި ޖޮއިންޓްވެންޗަރ އެގްރިމަންޓެއްގައި ސޮއިކުރިއެވެ. މި އެއްބަސްވުމުގެ ބޭނުމަކީ 'ސޭވް ދަ ޑްރީމް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް' ގެ ނަމުގައި މި ދެ ފަރާތް ހިއްސާވާގޮތަށް ދިވެހިރާއްޖޭގައި ވަކި ކުންފުންޏެއް އުފައްދައިގެން، އެ ކުންފުނިން ރިހިވެލި ބީޗް ރިޒޯޓުގެ ސަބްލީޒް ލިބިގަނެ، އެ ރިޒޯޓް ހިންގުމެވެ.

5. މި ބަޔާންކުރި ޖޮއިންޓްވެންޗަރ އެގްރީމަންޓުގެ ދަށުން 29 އޭޕްރިލް 2018 ގައި 'ސޭވް ދަ ޑްރީމް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް' (މީގެފަހުން "ސޭވް ދަ ޑްރީމް މޯލްޑިވްސް") މި ނަމުގައި ދިވެހިރާއްޖޭގައި ކުންފުންޏެއް ރަޖިސްޓަރީ ކޮށްފައިވެއެވެ. ސޭވް ދަ ޑްރީމް މޯލްޑިވްސް ގެ 50% (ފަންސާސް އިންސައްތަ) ހިއްސާދާރަކީ ޙުސައިން ޝިހާމް ޢަލީ އެވެ. އަނެއް 50% (ފަންސާސް އިންސައްތަ) ހިއްސާގެ މިލްކުވެރި ފަރާތަކީ ސޭވް ދަ ޑްރީމް ފްރާންސް އެވެ.

6. ސޭވް ދަ ޑްރީމް މޯލްޑިވްސް ގެ ހިންގާ ގަވާއިދު ބުނާ ގޮތުން އެކުންފުނީގެ ޑައިރެކްޓަރުންގެ ބޯޑު އެކުލެވިގެންވަނީ ޖުމްލަ ދެ ޑައިރެކްޓަރުންގެ މައްޗަށެވެ. އެގޮތުން، ބޯޑުގައި ތިބެނީ ޙުސައިން ޝިހާމް ޢަލީ އާއި ސޭވް ދަ ޑްރީމް ފްރާންސް ތަމްސީލުކުރާ ޑައިރެކްޓަރުގެ ގޮތުގައި ބޯޑަށް އައްޔަން ކޮށްފައިވާ ކްރިސްޓިއަން ކާބް އެވެ. މި ބަޔާންކުރެވުނު ދެ ޑައިރެކްޓަރުންގެ ތެރެއިން ސޭވް ދަ ޑްރީމް މޯލްޑިވްސް ގެ މެނެޖިންގ ޑައިރެކްޓަރެއްގެ ގޮތުގައި އައްޔަން ކޮށްފައިވަނީ ޙުސައިން ޝިހާމް ޢަލީ އެވެ. ކުރިންވެސް ބަޔާންކުރި ފަދައިން މާހަލް ޓުއާޒް ޕްރައިވެޓް ލިމިޓެޑްގެ މެނެޖިންގ ޑައިރެކްޓަރަކީވެސް ޙުސައިން ޝިހާމް ޢަލީ އެވެ.

7. ސޭވް ދަ ޑްރީމް މޯލްޑިވްސް އަށް ރިހިވެލި ބީޗް ރިޒޯޓް ސަބްލީސްކުރުމުގެ އެއްބަސްވުމުގައި ސޭވް ދަ ޑްރީމް މޯލްޑިވްސް އާއި ޙުސައިން ޝިހާމް ޢަލީގެ ހިއްސާ އޮންނަ މާހަލް ޓުއާޒްއާ ދެމެދު 28 މޭ 2018 ގައި ސޮއިކުރިއެވެ. މި ސަބްލީސް އެއްބަސްވުމުގައި މާހަލް ޓުއާޒްގެ ފަރާތުން ސޮއިކުރީ މާހަލް ޓުއާޒްގެ މެނެޖިންގ ޑައިރެކްޓަރު ޙުސައިން ޝިހާމް ޢަލީއެވެ. ސޭވް ދަ ޑްރީމް މޯލްޑިވްސް ގެ ފަރާތުން ސަބްލީސް އެގްރީމަންޓުގައި ސޮއިކޮށްފައިވަނީ ސޭވް ދަ ޑްރީމް މޯލްޑިވްސްގެ ޑެޕިއުޓީ މެނެޖިންގ ޑައިރެކްޓަރު ކްރިސްޓިއަން ކާބް އެވެ. އޭގެ ފަހުގެ ތާރީޚެއްގައި، ސަބްލީސް އެގްރީމަންޓުގެ ދެ އެޑަންޑަމެއްގައި މި ދެފަރާތުން ސޮއިކޮށްފައިވެއެވެ. މާހަލް ޓުއާޒް ގެ ފަރާތުން ދެ އެޑަންޑަމުގައިވެސް ސޮއިކޮށްފައިވާ ކަމަށް ފެންނަން އޮތީ މާހަލް ޓުއާޒްގެ ޑައިރެކްޓަރެއްގެ ގޮތުގައި އެ ކުންފުނީގެ ފައުންޑަރު ކަމުގައިވާ ޢަލީ ޔޫސުފެވެ.

8. ކާސްޓްއަވޭ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ނަމަކަށްކިޔާ ކުންފުންޏެއްގެ ފަރާތުން މާހަލް ޓުއާޒްގެ މައްޗަށް ހުށަހެޅި މައްސަލައެއް ސުޕްރީމް ކޯޓުން ބެލުމުގެ ތެރޭގައި، ކޯޓަށް ހުށަހެޅިފައިވާ މާހަލް ޓުއާޒް ކުންފުނީގެ ވަނަވަރުގައި އެކުންފުނީގެ ހިއްސާދާރެއްގެ ގޮތުގައި ޢަލީ ޔޫސުފް ނެތްކަން (އެހެންކަމުން، އޭނާ މާހަލް ޓުއާޒްގެ ޑައިރެކްޓަރަކަށް ނުވާކަން) ސޭވް ދަ ޑްރީމް ފްރާންސަށް އެނގުނެވެ. މިކަން ސޭވް ދަ ޑްރީމް ފްރާންސަށް އެނގިފައިވަނީ އޯގަސްޓް 2019 ގައެވެ. އެހެންކަމުން ސަބްލީސްގެ ދަށުން ކުލި ދެއްކޭނީ މައި އެއްބަސްވުމުގައި ވާގޮތަށް ކަމަށާއި، އެޑަންޑަމްގައި އޮތް ގޮތަށް ކުލި ދެއްކޭނީ އެ އެޑެންޑަމްތަކުގެ ސައްހަކަން ކަށަވަރުވުމުން ކަމަށް ބުނެ ސޭވް ދަ ޑްރީމް މޯލްޑިވްސް އިން މާހަލް ޓުއާޒްއަށް ދައްކަންޖެހޭ ކުލި ދެއްކުން މަޑުޖައްސާލިއެވެ. މި ގޮތަށް ކުލީގެ ފައިސާ ދެއްކުން މަޑު ޖައްސާލާފައި ވަނިކޮށް، ސޭވް ދަ ޑްރީމް މޯލްޑިވްސް ގެ ނަމުގައި ބޭންކް އޮފް ސިލޯނުގައި ހުޅުވާފައިވާ އެކައުންޓުގެ3 ޗެކަކުން4 $550,000/- (ފަސް ލައްކަ ފަންސާސް ހާސް އެމެރިކާ ޑޮލަރު) ޙުސައިން ޝިހާމް ޢަލީ 20 ފެބްރުއަރީ 2020 ގައި ނަގައި، މާހަލް ޓުއާޒްއަށް ދީފައިވެއެވެ. ޙުސައިން ޝިހާމް ޢަލީ ބުނެފައިވަނީ އޭނާ އެ ފައިސާ މާހަލް ޓުއާޒްއަށް ދީފައިވަނީ ސޭވް ދަ ޑްރީމް މޯލްޑިވްސް އިން މާހަލް ޓުއާޒްއަށް ސަބްލީސް އެގްރީމަންޓުގެ ދަށުން ދައްކަންޖެހޭ ކުލި ދެއްކުމަށް ކަމަށެވެ. ޙުސައިން ޝިހާމް ޢަލީ މި ފައިސާ ނަގާފައިވަނީ އެކުންފުނީގެ އަނެއް ޑައިރެކްޓަރު ކަމުގައިވާ ކްރިސްޓިއަން ކާބްއަށް ނޭނގި ކަމުގައި މި މައްސަލައިގައި ދައުވާކުރާ ސޭވް ދަ ޑްރީމް ފްރާންސް ކުންފުނިން ބުނެފައިވެއެވެ.

9. ސޭވް ދަ ޑްރީމް ފްރާންސް އިން ބުނެފައިވަނީ ކުންފުނީގެ ބޭންކް އެކައުންޓުގައި ހުރި ފައިސާ ޙުސައިން ޝިހާމް ޢަލީ ނަގާފައިވަނީ ސޭވް ދަ ޑްރީމް މޯލްޑިވްސްގެ އުސޫލުތަކާ ޚިލާފަށް ކަމަށެވެ. އެގޮތުން ޗެކުގައި ޙުސައިން ޝިހާމް ޢަލީއަށް ސޮއި ކުރެވޭނީ ސޭވް ދަ ޑްރީމް ފްރާންސްގެ މެނޭޖިންގ ޑައިރެކްޓަރ ކްރިސްޓިއަން ކާބްގެ ހުއްދަ ލިޔުމުން ލިބިގެން ކަމަށާއި، އެ ޗެކުގެ މުއާމަލާތަށް އޭނާ ހުއްދަދީފައި ނެތް ކަމަށެވެ. އަދި އެ ފައިސާ ޙުސައިން ޝިހާމް ޢަލީ ނެގުމުން ސޭވް ދަ ޑްރީމް މޯލްޑިވްސްގެ ހުރިހާ ފައިސާ ހުސްވެ ކުންފުނިން އިތުރަށް ކުލިދެއްކޭނެ ގޮތް ބަންދުވެ ވިޔަފާރި ހުއްޓިފައިވާ ކަމަށް ސޭވް ދަ ޑްރީމް ފްރާންސް އިން ބުނެފައިވެއެވެ.

10. ޙުސައިން ޝިހާމް ޢަލީ ކުންފުނީގެ ޑައިރެކްޓަރުކަމުގެ އަމާނާތްތެރިކަމުގެ ވާޖިބާ ޚިލާފުވެފައިވާ ކަމަށް ބުނެ ސޭވް ދަ ޑްރީމް ފްރާންސް އިން ސިވިލް ކޯޓުގައި ދައުވާކުރިއެވެ. މި ދައުވާގައި ސޭވް ދަ ޑްރީމް ފްރާންސް އިން އެދިފައިވަނީ ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ގާނޫނުގެ5 73 ވަނަ މާއްދާގެ (ށ) ގެ (1) ގެ ދަށުން ސޭވް ދަ ޑްރީމް މޯލްޑިވްސްގެ ބޯޑުން ޙުސައިން ޝިހާމް ޢަލީ އަދި ކުންފުނީގެ ސެކްރެޓަރީ ކަމުން ޢަލީ އުސައިދު ވަކި ކުރުމުގެ އަމުރެއް ނެރެދިނުމަށާއި، ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ގާނޫނުގެ 73 ވަނަ މާއްދާގެ (ށ) ގެ (3) ގެ ދަށުން ސޭވް ދަ ޑްރީމް މޯލްޑިވްސްގެ ހިންގާ ގަވާއިދު ބަދަލުކުރުމުގެ އަމުރެއް ނެރެދިނުމަށާއި، ބޭންކް އޮފް ސިލޯނުގައިވާ އެކައުންޓުން ޙުސައިން ޝިހާމް ޢަލީ ނަގާފައިވާ US$550,000/- (ފަސްލައްކަ ފަންސާސްހާސް އެމެރިކާ ޑޮލަރު)6 އަނބުރާ ކުންފުންޏަށް ދެއްކުމުގެ އަމުރެއް ނެރެދިނުމަށެވެ.

11. ސޭވް ދަ ޑްރީމް މޯލްޑިވްސްގެ ފަރާތުން މާހަލް ޓުއާޒްގެ މައްޗަށް ދައުވާ ކުރުމަށް ބޯޑް ރިޒޮލިއުޝަންގައި ސޮއިކުރުމަށް ޙުސައިން ޝިހާމް ޢަލީ އިންކާރުކުރި ކަމަށް ސޭވް ދަ ޑްރީމް ފްރާންސް އިން ބުނެފައިވެއެވެ. އަދި ޙުސައިން ޝިހާމް ޢަލީ، އޭނާގެ އެހެން ކުންފުންޏެއް ކަމުގައިވާ ބްލޫ ސިއޭލް އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑް އިން ސޭވް ދަ ޑްރީމް މޯލްޑިވްސްގެ އަސާސީ ގަވާއިދުގައި ހިމެނޭ މަގުސަދުތައް ބޭނުން ކޮށްގެން ނާޖާއިޒު ފައިދާ ނަގާފައިވާ ކަމަށްވެސް ސޭވް ދަ ޑްރީމް ފްރާންސް އިން ބުނެފައި ވެއެވެ.

ސިވިލް ކޯޓުން މައްސަލަ ނިންމިގޮތް

12. ސިވިލް ކޯޓުން މި މައްސަލަ ބަލާފައިވަނީ އެކޯޓުގެ ނަންބަރު 1002/Cv-C/2020 ގަޒިއްޔާއިންނެވެ. އެ ގަޒިއްޔާގައި ސިވިލް ކޯޓުން ނިންމާފައިވަނީ ޙުސައިން ޝިހާމް ޢަލީ އަމަލުކޮށްފައިވަނީ ރަނގަޅަށް ކަމަށާއި، ޙުސައިން ޝިހާމް ޢަލީ ޑައިރެކްޓަރުންގެ ބޯޑުން ވަކި ނުކުރެވޭނެ ކަމަށާއި ޢަލީ އުސައިދު ކުންފުނީގެ ސެކްރެޓަރީ ގެ މަގާމުން ވަކިނުކުރެވޭނެ ކަމަށާއި، ފައިސާ އަނބުރާ ލިބެން ނެތް ކަމަށެވެ. މި ނިންމުމަށް ވާސިލުވުމުގައި ސިވިލް ކޯޓުން އަންނަނިވި ކަންކަން ފާހަގަ ކޮށްފައިވެއެވެ.

(ހ) ޙުސައިން ޝިހާމް ޢަލީ ނެގިކަމަށް ބުނާ ފައިސާ ނަގާފައިވަނީ ސޭވް ދަ ޑްރީމް މޯލްޑިވްސް އިން ސަބްލީސް ކޮށްފައިވާ ރިހިވެލި ބީޗް ރިޒޯޓުގެ ކުލި ދެއްކުމަށްޓަކައިކަން ސިވިލް ކޯޓަށް މައްސަލަ ހުށަހެޅި ފޯމުގެ 8.5 ވަނަ ނަންބަރުގައި ސޭވް ދަ ޑްރީމް ފްރާންސް އިން ބަޔާންކޮށްފައި ވާކަމަށް ސިވިލް ކޯޓުގެ ހުކުމުގައި ބުނެފައި ވެއެވެ. ސޭވް ދަ ޑްރީމް ފްރާންސް އިން މި ފައިސާ ނެގުމާމެދު ޚިލާފު އުފައްދާފައިވަނީ، މިފައިސާއަކީ ރިހިވެލި ބީޗް ރިޒޯޓު ސަބްލީސް ކުރުމަށް ސޭވް ދަ ޑްރީމް މޯލްޑިވްސް އާއި މާހަލް ޓުއާޒްއާ ދެމެދު ސޮއިކޮށްފައިވާ އެގްރީމަންޓަށް އިސްލާހު ގެނައުމަށް ސޮއިކޮށްފައިވާ އެޑަންޑަމްތަކަކީ ސައްހަ އެޑަންޑަމްތަކެއް ކަމަށް ސޭވް ދަ ޑްރީމް ފްރާންސް އިން ގަބޫލުނުކުރާތީ ކަމަށާއި، އެހެން ކަމުން ކުލި ދައްކަންޖެހޭނެ ކަމަށް ސޭވް ދަ ޑްރީމް ފްރާންސްއިން ގަބޫލުކުރަނީ ރިހިވެލި ބީޗް ރިޒޯޓު ސަބްލީސްކުރުމަށް ސޭވް ދަ ޑްރީމް ފްރާންސް އާއި މާހަލް ޓުއާޒް އާ ދެމެދު ސޮއިކުރެވުނު ފުރަތަމަ އެގްރީމަންޓާ އެއްގޮތަށް ކަމުގައިވާތީކަން 14 ޖެނުއަރީ 2021 ގައި ސޭވް ދަ ޑްރީމް ފްރާންސް އިން ހުށަހެޅި ފަހު ބަޔާނުން އެނގޭ ކަމަށް ސިވިލް ކޯޓުގެ ހުކުމުގައި ބުނެފައިވެއެވެ.

(ށ) ރިހިވެލި ބީޗް ރިޒޯޓު ސަބްލީސް ކުރުމަށް ސޭވް ދަ ޑްރީމް މޯލްޑިވްސް އާއި މާހަލް ޓުއާޒްއާ ދެމެދު ސޮއިކުރި ސަބްލީސް އެގްރީމަންޓަށް އިސްލާހު ގެނައުމަށް ސޮއިކޮށްފައިވާ އެޑަންޑަމްތަކަކީ ބާތިލު އެގްރީމަންޓުތަކެއް ކަމަށް ކަނޑައެޅުމަކީ މައްސަލައިގެ މައުލޫގައި ހިމެނޭކަމަކަށް ނުވާއިރު، ރިހިވެލި ބީޗް ރިޒޯޓުގެ ކުލި ދެއްކުމަށްޓަކައި ޙުސައިން ޝިހާމް ޢަލީ ކުންފުނިން ނަގާފައިވާ ފައިސާ އަކީ ޙުސައިން ޝިހާމް ޢަލީގެ އަމިއްލަ ބޭނުމަކަށް ނަގާފައިވާ ފައިސާއެއްކަމަށް ބަލާނެ ހަމައެއް ނެތްކަމަށް ސިވިލް ކޯޓުގެ ހުކުމުގައި ބުނެފައިވެއެވެ.

(ނ) އެގްރީމަންޓާ އެއްގޮތަށް ކުލި ދެއްކުމަކީ ސޭވް ދަ ޑްރީމް މޯލްޑިވްސް ގެ މައްޗަށް އޮތް އިލްތިޒާމެއް ކަން ސަބްލީސް އެގްރީމަންޓަށް އިސްލާހު ގެނައުމަށް ސޭވް ދަ ޑްރީމް މޯލްޑިވްސްގެ ބޯޑުން ފާސްކޮށްފައިވާ ބޯޑު ރިޒޮލިއުޝަނުގައި7 ބަޔާންކޮށްފައި އޮތުމުން އެ އެގްރީމަންޓްގެ ދަށުން ފައިސާ ދެއްކުމާމެދު ބޯޑުން ގޮތެއް ކަނޑައަޅައި ރުހުންދީފައިވާ ކަމަށް ބަލަންޖެހޭ ކަމަށް ސިވިލް ކޯޓުގެ ހުކުމުގައި ބުނެފައިވެއެވެ.

(ރ) ކުލި ދައްކަންޖެހޭ ކޮންމެ ފަހަރަކު އަނެއް ޑައިރެކްޓަރުގެ ހުއްދަ އަލުން ހޯދަންޖެހޭނެ ކަމަށް ޖޮއިންޓްވެންޗަރ އެގްރީމަންޓްގެ 5.9 ވަނަ މާއްދާ މާނަނުކުރެވޭ ކަމަށް ސިވިލް ކޯޓުގެ ހުކުމުގައި ބުނެފައިވެއެވެ.

(ބ) ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ގާނޫނުގެ 48 ވަނަ މާއްދާގައި ކުންފުނީގެ ޑައިރެކްޓަރުންގެ ބޯޑުގެ މެންބަރުން އައްޔަންކޮށް އިންތިޚާބުކޮށް ވަކިކުރާނީ ކުންފުނީގެ ހިންގާ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތެއްގެ މަތިންކަމަށް ބަޔާންކޮށްފައިވާ ކަމަށާއި، ސޭވް ދަ ޑްރީމް މޯލްޑިވްސްގެ ހިންގާ ގަވާއިދުގައި ޑައިރެކްޓަރުން ވަކިކުރާނެ ގޮތެއް ބަޔާންކޮށްފައި ނެތްކަމަށާއި، ޑައިރެކްޓަރުން ވަކިކުރުމުގެ އިޖުރާއަތު ބަޔާންވެފައިވަނީ ކުންފުންޏާބެހޭ ގާނޫނުގެ 49 ވަނަ މާއްދާގައި ކަމަށާއި، ކޯޓުތަކަށް ހުށަހަޅައިގެން ޑައިރެކްޓަރަކު ވަކިކުރެވޭނެ ކަމަށް އެ މާއްދާގައި ބަޔާންކޮށްފައި ނެތް ކަމަށް ސިވިލް ކޯޓުގެ ހުކުމުގައި ބަޔާންކޮށްފައި ވެއެވެ.

(ޅ) ސޭވް ދަ ޑްރީމް ފްރާންސް އިން އެދިފައިވަނީ ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ގާނޫނުގެ 73 ވަނަ މާއްދާގެ (ށ) ގެ (1) ގެ ދަށުން ޙުސައިން ޝިހާމް ޢަލީއާއި ޢަލީ އުސައިދު ވަކި ކޮށްދިނުމަށް ކަމަށް ވާއިރު، މި މާއްދާގެ ބޭނުމަށް ޑައިރެކްޓަރަކު ވަކިކުރުމަށް އަމުރު ކުރުމަކީ ކުންފުނީގެ ކަންތައްތައް ވަކި ގޮތަކަށް ހިންގުމަށް ކަނޑައަޅާ އަމުރެއް ކަމަށް ބެލެވެން ނެތްކަމަށެވެ. ކުންފުނީގެ ހިންގުން ވަކި ގޮތަކަށް ހިންގުމަށް ކަނޑައަޅާ އަމުރެއް ކަމަށް ބެލެވޭނީ ކުންފުނީގެ މަސައްކަތްތައް ވަކި ގޮތަކަށް ކުރިއަށް ގެންދިއުމަށްޓަކައި މަސައްކަތް ކުރިއަށް ގެންދަންވީ ގޮތް ބަޔާންކުރާ އަމުރެއް ކަމަށްވާތީ މިފަދަ އަމުރެއް ނެރުމަށް ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ގާނޫނު ޖާގަދޭކަމަށް ނުދެކޭ ކަމަށް ސިވިލް ކޯޓުގެ ހުކުމުގައި ބުނެފައި ވެއެވެ.

(ކ) ބަހުސް ގެ ބޭނުމަށް މިފަދަ އަމުރެއްގެ ދަށުން ޑައިރެކްޓަރަކު ވަކިކުރެވޭނެ ކަމަށް ބެލިޔަސް، ސޭވް ދަ ޑްރީމް މޯލްޑިވްސް އަކީ ސޭވް ދަ ޑްރީމް ފްރާންސް އަދި ޙުސައިން ޝިހާމް ޢަލީގެ ހިއްސާ ހަމަހަމައަށް އޮތް ޕްރައިވެޓް ކުންފުންޏަކަށް ވާއިރު، ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ގާނޫނުގެ 45 ވަނަ މާއްދާގެ (ހ) ގައި ކޮންމެ ޕްރައިވެޓް ކުންފުންޏެއްގެ ޑައިރެކްޓަރުންގެ ބޯޑުގައި މަދުވެގެން ދެ މެންބަރުން ތިބެންވާނެ ކަމަށް ބަޔާންކޮށްފައި ވުމާއި، އެ މާއްދާގެ (ރ) ގައި ކުންފުންޏެއްގެ ޑައިރެކްޓަރުންގެ ބޯޑުގެ މެންބަރަކަށް ވެވެނީ ކުންފުނީގެ ހިއްސާ ގަނެފައިވާ މީހަކަށް، ނުވަތަ ހިއްސާ ގަނެފައިވާ ފަރާތަކީ ގާނޫނީ ޝަޚްސެއް ނަމަ އެފަރާތަކުން ޑައިރެކްޓަރުންގެ ބޯޑަށް އައްޔަންކުރާ މީހަކަށް ކަމަށް ބަޔާންކޮށްފައި ވުމުން، ޙުސައިން ޝިހާމް ޢަލީ ވަކިކޮށް އެންމެ ޑައިރެކްޓަރެއް ހުންނަ ގޮތަށް ކުންފުންޏެއް ނުހިންގޭނެ ކަމަށާއި، ސޭވް ދަ ޑްރީމް މޯލްޑިވްސް އަކީ ދެ ހިއްސާދާރުންގެ މައްޗަށް އުފެދިފައިވާ ކުންފުންޏެއް ކަމަށް ވާއިރު، ޙުސައިން ޝިހާމް ޢަލީ ވަކިކޮށް ދެން ކުންފުނީގެ ބޯޑަށް ދެ ޑައިރެކްޓަރުން ހަމަކުރެވޭނީ ކުންފުނީގެ ދެ ޑައިރެކްޓަރުންނަކީ ވެސް ސޭވް ދަ ޑްރީމް ފްރާންސްގެ ދެ ޑައިރެކްޓަރުން ކަމަށް ވެގެން ކަމަށްވާތީ، މިއީ ކުންފުނީގެ ހިއްސާދާރެއް ކަމުގައިވާ ޙުސައިން ޝިހާމް ޢަލީގެ މަސްލަހަތު ކުންފުނިން ގެއްލިގެން ދާނެކަމެއް ކަމުގައިވާތީ، މިހާލަތުގައިވެސް ޙުސައިން ޝިހާމް ޢަލީ ޑައިރެކްޓަރުގެ މަގާމުން ވަކި ކުރެވެން ނެތްކަމަށް ސިވިލް ކޯޓުގެ ހުކުމުގައި ބުނެފައިވެއެވެ.

ހައިކޯޓުން މައްސަލަ ނިންމިގޮތް

13. ހައިކޯޓުން މި މައްސަލަ ބަލާފައިވަނީ އެކޯޓުގެ ނަންބަރު 2021/HC-A/171 ގަޒިއްޔާއިންނެވެ.

14. އެ ގަޒިއްޔާގައި ހައިކޯޓުން ނިންމާފައިވަނީ ސިވިލް ކޯޓުން މައްސަލަ ނިންމާފައިވަނީ ކުންފުންޏާބެހޭ ގާނޫނުގެ 73 ވަނަ މާއްދާގެ (ށ) އާއި، 74 ވަނަ މާއްދާގެ (ނ) އާ ޚިލާފަށް ކަމަށް ނުވާތީ، ސިވިލް ކޯޓުން ކޮށްފައިވާ ހުކުމަށް ބަދަލު ގެންނަންޖެހޭ ޝަރުއީ އަދި ގާނޫނީ ސަބަބެއް ނެތް ކަމަށެވެ.

ސުޕްރީމް ކޯޓަށް ހުށަހެޅި އިސްތިއުނާފު

15. ހައިކޯޓުގެ ނަންބަރު 2021/HC-A/171 ގަޒިއްޔާގެ ހުކުމް ރަނގަޅުނޫން ކަމަށް ބުނެ ސޭވް ދަ ޑްރީމް ފްރާންސް އިން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ދެ އިސްތިއުނާފީ ނުކުތާ ހުށަހަޅާފައިވެއެވެ.

ފުރަތަމަ އިސްތިއުނާފީ ނުކުތާ

16. ފުރަތަމަ އިސްތިއުނާފީ ނުކުތާގައި ސޭވް ދަ ޑްރީމް ފްރާންސް އިން ބުނެފައިވަނީ، 20 ފެބުރުވަރީ 2020 ގައި ޙުސައިން ޝިހާމް ޢަލީ ކުންފުނީގެ ބޭންކް އެކައުންޓުން ނެގި US$550,000/- (ފަސްލައްކަ ފަންސާސްހާސް އެމެރިކާ ޑޮލަރު) އަކީ ރިހިވެލި ބީޗް ރިޒޯޓު ސަބްލީސްކުރުމަށް ސޭވް ދަ ޑްރީމް މޯލްޑިވްސް އާއި މާހަލް ޓުއާޒް އާ ދެމެދު ސޮއިކޮށްފައިވާ "އެގްރީމެންޓްއާ އެއްގޮތަށް ރިހިވެލި ބީޗް ރިޒޯޓްގެ ކުލިދެއްކުމަށް ނަގާފައިވާ ފައިސާކަން އެނގެން" އޮންނަކަމަށް މައްސަލައިގެ ހުކުމުގައި ހައިކޯޓުން ބަޔާންކޮށްފައިވާ އިރު، އޭގެ ކުރިން ދެ ހިއްސާދާރުންގެ ދެމެދުގައި މުޢާމަލާތް ކޮށްފައިވަނީ ދެ ފަރާތުގެ އެނގުމާއި ފެނުމާ އެކު އެކައުންޓުން ފައިސާ ނަގައިގެން ކަމަށްވާއިރު، މި ގޮތަށް ހައި ކޯޓުން ނިންމާފައިވަނީ، ކުންފުންޏާބެހޭ ގާނޫނުގެ 74 ވަނަ މާއްދާގެ (ނ) އާ ޚިލާފަށް ކަމަށެވެ. ސަބަބަކީ ޙުސައިން ޝިހާމް ޢަލީ ކުރި އަމަލަކީ އޭނާގެ އަމާނާތްތެރިކަމުގެ ވާޖިބާ ޚިލާފަށް ކުރިކަމެއް ކަމަށާއި، ޑައިރެކްޓަރަކު އަމާނާތްތެރިކަމުގެ ވާޖިބާ ޚިލާފުވުން، ކުންފުންޏާބެހޭ ގާނޫނުގެ 74 ވަނަ މާއްދާގެ (ނ) އަށް ފެތޭއިރު، އެ ޚިލާފުގެ މައްޗަށް އެޅޭނެ ފިޔަވަޅެއް ނެތް ކަމަށް ހައިކޯޓުން ނިންމާފައިވަނީ ރަނގަޅަށް ނޫން ކަމަށާއި، ޑައިރެކްޓަރެއްގެ އެފަދަ ޚިލާފަކަށް އެޅޭނެ ފިޔަވަޅެއް އޮންނަން ޖެހޭކަމުގައި ގަބޫލުކުރެވޭކަމަށް އިސްތިއުނާފުކުރާ ސޭވް ދަ ޑްރީމް ފްރާންސްގެ ފަރާތުން ބުނެފައި ވެއެވެ.

17. ސޭވް ދަ ޑްރީމް ފްރާންސްގެ ފަރާތުން ބުނެފައިވަނީ ސުޕްރީމް ކޯޓުން ކުރިން ނިންމާފައިވާ އިސްމާޢީލް އަބްދުލްހަމީދު ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް8 ގަޒިއްޔާ ގައި ކަނޑައެޅިފައިވާ އުސޫލު މި މައްސަލައަށް ތަތުބީގު ކުރާއިރު މަގާމުގެ ހައިސިއްޔަތުން ޙުސައިން ޝިހާމް ޢަލީ ކަންކޮށްފައިވަނީ ޙުސައިން ޝިހާމް ޢަލީ ގެ އަމާނާތްތެރިކަމުގެ ވާޖިބާ ޚިލާފަށްކަން އެނގޭކަމަށެވެ. އެހެނީ ޙުސައިން ޝިހާމް ޢަލީ އާއި ސޭވް ދަ ޑްރީމް ފްރާންސްއާ ދެމެދު 15 ފެބްރުއަރީ 2018 ގައި ސޮއިކުރެވުނު ޖޮއިންޓްވެންޗަރ އެގްރީމަންޓުގެ މާއްދާތަކާ އެއްގޮތަށް އަމަލުކުރަން ދެފަރާތަށްވެސް ލާޒިމުވާއިރު، އެ އެގްރީމަންޓުގެ 6.1 އިން 6.7 ގައި، މި ޖޮއިންޓްވެންޗަރ ގެ ބޭނުމަށްޓަކައި، ޙުސައިން ޝިހާމް ޢަލީ މަސައްކަތް ކުރަންވާނީ ކްރިސްޓިއަން ކާބް އާ އެކުގައިކަމަށް ބަޔާންކުރާއިރު، ޙުސައިން ޝިހާމް ޢަލީ US$550,000/- (ފަސްލައްކަ ފަންސާސްހާސް އެމެރިކާ ޑޮލަރު) ކުންފުނީގެ އެކައުންޓުން ނެގުމަކީ ޙުސައިން ޝިހާމް ޢަލީ ގެ މައްޗަށް އޮތް އަމާނާތްތެރިކަމުގެ ވާޖިބާ ޚިލާފަށް ކޮށްފައިވާ ކަމެއްކަން އެނގޭ ކަމަށެވެ.

18. ސޭވް ދަ ޑްރީމް ފްރާންސްގެ ފަރާތުން ބުނެފައިވަނީ، އެއްވެސް ފަރާތަކާ ނުބައްސައި، ޙުސައިން ޝިހާމް ޢަލީ ކުންފުނީގެ އެކައުންޓުން އަމިއްލައަށް ފައިސާ ނެގުމަށް ޖޮއިންޓްވެންޗަރ އެއްބަސްވުމުގެ އެއްވެސް މާއްދާއަކުން ހުއްދަ ނުދޭކަމަށާއި، އެ އެއްބަސްވުމުގެ އެއްވެސް ތަނެއްގައި ކުންފުނީގެ އެއް ހިއްސާދާރަށް ނޭނގި އަނެއް ހިއްސާދާރު ބޮޑެތި މުއާމަލާތް ކުރުމުގެ ހުއްދަ ނުދޭކަމަށެވެ.

19. އިތުރަށް، ސޭވް ދަ ޑްރީމް ފްރާންސް އިން ބުނެފައިވަނީ، ސޭވް ދަ ޑްރީމް މޯލްޑިވްސްގެ މަސްލަހަތަށް ވުރެ، މާހަލް ޓުއާޒް ކުންފުނީގެ މަސްލަހަތު ޙުސައިން ޝިހާމް ޢަލީ އިސްކޮށްފައިވާކަމަށެވެ. މިގޮތުން ޙުސައިން ޝިހާމް ޢަލީގެ އަމާނާތްތެރިކަމުގެ ވާޖިބާ ޚިލާފަށް ކޮށްފައިވާ އަމަލުތަކުގެ ތެރޭގައި، ސޭވް ދަ ޑްރީމް މޯލްޑިވްސްގެ އެކައުންޓުގައި ހުރި ފައިސާ އަނެއް ހިއްސާދާރަށް ނޭނގި ނެގުމާއި، ސޭވް ދަ ޑްރީމް މޯލްޑިވްސް ކުންފުނީގެ އިންވެސްމަންޓުގެ "ބަރުދަން" ދެ ހިއްސާދާރުންގެ މެދުގައި ހަމަހަމަކަމުގައި ހީކުރުވައިގެން، ރިހިވެލި ބީޗް ރިޒޯޓަށް އިންވެސްޓްކުރީ ޙުސައިން ޝިހާމް ޢަލީ ކަމުގައި ދެއްކުވުމާއި، "ކޮމަން ޑައިރެކްޓަރު" ގެ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކޮށްގެން ސޭވް ދަ ޑްރީމް މޯލްޑިވްސްއަށް ކޯޓަށް ގޮސް ދައުވާ ނުކުރެވޭނެ ގޮތް ހެދުން ހިމެނޭކަމަށެވެ.

ދެވަނަ އިސްތިއުނާފީ ނުކުތާ

20. ސޭވް ދަ ޑްރީމް ފްރާންސްއިން ހުށަހެޅި ދެވަނަ އިސްތިއުނާފީ ނުކުތާގައި ބުނެފައިވަނީ ހައިކޯޓުގެ ޙުކުމުގައި، ކުންފުންޏާބެހޭ ގާނޫނުން، ކުންފުނީގެ ޑައިރެކްޓަރުންގެ ބޯޑުން ޑައިރެކްޓަރަކު ވަކި ކުރެވިދާނެ ހަމައެއް ނެތްކަމަށާއި، އެ ސަބަބަށްޓަކައި ޙުސައިން ޝިހާމް ޢަލީ، ސޭވް ދަ ޑްރީމް މޯލްޑިވްސްގެ ޑައިރެކްޓަރުންގެ ބޯޑުން ވަކި ކުރުމަކީ ކޯޓު އަމުރެއްގެ ދަށުން ކުރެވިދާނެ ކަމެއް ނޫންކަމަށް ހައިކޯޓުން ބުނާއިރު، މި މައްސަލައަށް ކޯޓުން ދެވެން އޮތް ހައްލެއް ދައްކާފައި ނެތްކަމަށާއި، ވީމާ ފަރުވާއެއް ހޯދުމަށް ސުޕްރީމް ކޯޓުގެ ޙުސައިން ޝަރީފް ވ. ބްލޫ ލެގޫން އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް އަދި މިނިސްޓްރީ އޮފް ޓޫރިޒަމް (ދިވެހި ދައުލަތް)9 ގަޒިއްޔާގެ ނިންމުމަށް ހައިކޯޓުން ރިއާޔަތްކުރަންޖެހޭނެ ކަމަށެވެ.

21. މި ނުކުތާތަކުގެ ޖަވާބުގައި ޙުސައިން ޝިހާމް ޢަލީގެ ފަރާތުން ބުނެފައިވަނީ ހައިކޯޓާއި ސިވިލް ކޯޓުން ނިންމާފައިވާ ނިންމުން ޚިލާފުވެފައިވާ ގާނޫނީ އުސޫލެއް މި ނުކުތާތަކުގައި ބަޔާންކޮށްދީފައި ނުވާ ކަމަށާއި، އެހެންކަމުން މި މައްސަލައިގައި އިސްތިއުނާފު ކުރުމުގެ އޮޅިގަނޑު ގިރާކޮށްފައިނުވާ ކަމުގައި ކަނޑައަޅަންޖެހޭކަމަށެވެ. އަދި އިސްތިއުނާފީ ނުކުތާތަކުގައި ބަޔާންވެފައިވަނީ ހައިކޯޓުގެ ނަންބަރު 2021/HC-A/171 ގަޒިއްޔާގައިވެސް އިސްތިއުނާފު ކުރާ ފަރާތުން ހުށަހަޅާފައިވާ ކަންތައްތައް އަކުރުން އަކުރަށް ކަމުގައިވާތީ، މިނުކުތާތަކުގައި ޙުސައިން ޝިހާމް ޢަލީގެ ޖަވާބަކީ، މިނުކުތާތަކާ ގުޅިގެން ޙުސައިން ޝިހާމް ޢަލީ ގެ ފަރާތުން ހައިކޯޓަށް ހުށަހެޅި ޖަވާބު ކަމަށެވެ.

ސުޕްރީމް ކޯޓުން ގޮތެއް ކަނޑައަޅަންޖެހޭ ކަންކަން

22. އިސްތިއުނާފުކުރާ ފަރާތުން އިސްތިއުނާފީ ނުކުތާތަކުގައި އުފައްދާފައިވާ ގާނޫނީ ސުވާލުތަކާ ގުޅިގެން މިކޯޓުން ގޮތެއް ނިންމަންޖެހޭ ކަންކަމަކީ:

(ހ) ޙުސައިން ޝިހާމް ޢަލީ ސޭވް ދަ ޑްރީމް މޯލްޑިވްސްގެ ބޯޑު ޑައިރެކްޓަރުކަމުގެ އަމާނާތްތެރިކަމުގެ ވާޖިބާ ޚިލާފަށް އަމަލުކޮށްފައިވޭތޯ ނުވަތަ ނޫންތޯ.

(ށ) ޙުސައިން ޝިހާމް ޢަލީ ސޭވް ދަ ޑްރީމް މޯލްޑިވްސް ގެ ބޯޑުގެ ޑައިރެކްޓަރުކަމުގެ އަމާނާތްތެރިކަމުގެ ވާޖިބާ ޚިލާފުވެފައިވާ ނަމަ، އެކުންފުނީގެ ޑައިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމުން އޭނާ ވަކި ކުރުމުގެ ބާރު ކޯޓަށް ލިބިގެންވޭތޯ ނުވަތަ ނޫންތޯ.

ޙުސައިން ޝިހާމް ޢަލީ ސޭވް ދަ ޑްރީމް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ގެ ބޯޑުގެ ޑައިރެކްޓަރުކަމުގެ އަމާނާތްތެރިކަމުގެ ވާޖިބާ ޚިލާފަށް އަމަލުކޮށްފައިވޭތޯ ނުވަތަ ނޫންތޯ

23. އަމާނާތްތެރިކަމުގެ ވާޖިބަކީ ދިވެހިރާއްޖޭގެ ގާނޫނުގައި އައު މަފްހޫމެއް ނޫނެވެ. މި މަފްހޫމަކީ ޒަމާންތަކެއް ކުރިއްސުރެ ފެށިގެން ދިވެހިރާއްޖޭގެ ޝަރުއީ ނިޒާމުން ބަލައިގަނެ ތަތުބީގުކުރަމުން އަންނަ މަފްހޫމެކެވެ.10 މީހެއްގެ މުދަލާއި ހަވާލުވެ ހުންނަ ފަރާތަކުން އެމުދާ ބަލަހައްޓަންޖެހޭނީ އަމާނާތްތެރިކަމާއެކުގައި ފަރުވާތެރިކަމާއެކުގައި ކަމާއި، އެ ފަދަ މުދަލަކަށް ޚިޔާނާތްތެރިވެގެން ނުވާނެ ކަމާއި ތިމާގެ މުދަލާއި އެމީހަކާ ހަވާލުވެފައިވާ މުދަލެއް އެއްކޮށްގެން ނުވާނެކަމާއި، އެފަދަ މުދަލަކުން އަމިއްލަ ފައިދާ ނަގައިގެން ނުވާނެ ކަމާއި، އެމުދަލަށް ޚިޔާނާތްތެރިވެއްޖެ ނަމަ އެކަމަށް ބަދަލު ދޭންޖެހޭނެ ކަމާއި، އަދި އެފަދަ އަމާނާތަކާ ޚިލާފުވެއްޖެ ނަމަ އެމުދަލެއް ބެލެހެއްޓުން އެމީހެއްގެ ކިބައިން ވަކިކުރެވިދާނެ ކަން، ޒަމާނުއްސުރެ ދިވެހިރާއްޖޭގައި އަމަލުކުރަމުން އަންނަ ގާނޫނުތަކުން ފެންނަން އެބައޮތެވެ. މީގެ އެއް މިސާލަކީ ޔަތީމު ކުޑަކުދިންގެ މުދަލާ ހަވާލުވެފައި ތިބޭ ފަރާތްތަކުން އެ މަގާމުގައި އަމަލުކުރަންޖެހޭ އަމާނާތްތެރިކަމުގެ ވާޖިބެވެ. ޒަމާނުއްސުރެ ރާއްޖޭގައި އަމަލުކުރަމުން އައި މި ގާނޫނު މިހާރުވަނީ ލިޔުމަށް ތިރިކުރެވި އާއިލާއާބެހޭ ގާނޫނު11ގެ 50 ވަނަ މާއްދާ އާއި 51 ވަނަ މާއްދާގައި ގަރާރު ކުރެވިފައެވެ.

24. މީގެ އިތުރުން، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގާނޫނު12ގެ 10 ވަނަ މާއްދާއާއި 11 ވަނަ މާއްދާގައި އެ ގާނޫނުގެ ދަށުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ބޯޑުގެ މެންބަރުންނާ މަތިކުރެވިފައިވާ އަމާނާތްތެރިކަމުގެ ބައެއް ބާޖިބުތައް ބަޔާންކޮށްފައި ވެއެވެ.

25. ކުންފުނިތަކުގެ ބޯޑު ޑައިރެކްޓަރުންގެ އަމާނާތްތެރިކަމުގެ ވާޖިބު (ފައިޑިއުޝަރީ ޑިއުޓީ) އަކީ ކޮބައިކަން މީގެ ކުރިން ސުޕްރީމް ކޯޓުން ނިންމާފައިވާ ޙުސައިން ޝަރީފް ވ. ބްލޫ ލެގޫން އިންވެސްޓްމަންޓްސް ޕްރައިވެޓް ލިމިޓެޑް13 ގަޒިއްޔާގެ އަޣުލަބިއްޔަތު ރައުޔުގައި ސާފުކޮށްދީފައި ވެއެވެ. އެގަޒިއްޔާގެ ހުކުމުގައި ބަޔާންކޮށްފައިވާ ޑައިރެކްޓަރުންގެ އަމާނާތްތެރިކަމުގެ ވާޖިބުތައް ތިރީގައި ޚުލާސާކޮށްފައި މިވަނީއެވެ.

(ހ) ޑައިރެކްޓަރުންނާ މަތިކުރެވިފައިވާ ބާރުތަކުގެ އިމުގެ ތެރެއިން މަސައްކަތްކުރުން: މި ހާލަތުގައި ކޯޓުތަކުން ބަލާނީ ޑައިރެކްޓަރުން އަމަލުކޮށްފައިވަނީ ކުންފުނީގެ އަސާސީ ގަވާއިދާއި ހިންގާ ގަވާއިދާ އެއްގޮތްވާގޮތުގެ މަތިންތޯ ނުވަތަ ނޫންތޯއެވެ. އަދި އެމީހުން އަމަލުކޮށްފައިވަނީ އެމީހުންނަށް ލިބިފައިވާ ބާރުތަކުގެ އިމުގެ ތެރެއިންތޯ ނުވަތަ ނޫންތޯއެވެ.

(ށ) ކުންފުނީގެ ކާމިޔާބީއަށްޓަކައި މަސައްކަތްކުރުން: ކުންފުނީގެ ޑައިރެކްޓަރަކު އަމަލުކޮށްފައިވަނީ ކުންފުނީގެ ކާމިޔާބީއަށްޓަކައިކަން ނުވަތަ ނޫންކަން ކަނޑައެޅުމުގައި ބޭނުންކުރަނީ ސަބްޖެކްޓިވް ޓެސްޓެކެވެ. އެގޮތުން، ޑައިރެކްޓަރު ކުރި ކަމަކީ އޭނާގެ ނަޒަރުގައި ކުންފުނީގެ ކާމިޔާބީއަށްޓަކައިކުރި ކަމެއްކަން ކޯޓުން ކަނޑައަޅަންޖެހެއެވެ. އަދި މިގޮތަށް ކަނޑައެޅުމުގައި ބަލާނީ ޑައިރެކްޓަރު ކުރިކަމެއް ނުވަތަ ނިންމި ނިންމުމެއް އެއީ ހެޔޮ ނިޔަތުގައި ނިންމާފައިވާ ނިންމުމެއްކަން ނުވަތަ ނޫންކަމެވެ. އެހެން ގޮތަކަށް ބުނާނަމަ، ކުންފުނީގެ ޑައިރެކްޓަރުގެ އަމަލަކީ ހެޔޮ ނިޔަތުގައި، އޭނާގެ ނަޒަރުގައި މުޅި ކުންފުނީގެ މަސްލަހަތަށްޓަކައި ނިންމާފައިވާ ނިންމުމެއްކަން ސާބިތުކޮށްދޭންޖެހެއެވެ. ޑައިރެކްޓަރުކުރި އަމަލުގެ ސަބަބުން ނިކުތް ނަތީޖާއަކީ ފާޅުކަން ބޮޑު ގޮތެއްގައި ކުންފުންޏަށް ގެއްލުންހުރި ކަމެއްކަން އެނގެން އޮތްނަމަ، އެ ޑައިރެކްޓަރަކު އަމަލުކުރީ އޭނާގެ ނަޒަރުގައި ހެޔޮ ނިޔަތުގައި ކުންފުނި ކުރިއެރުވުމަށްޓަކައިކަން ސާބިތުކުރަން އުނދަގޫވާނެއެވެ. ކުންފުންޏެއްގެ ކާމިޔާބު މިނެކިރުމުގައި އެ ކުންފުންޏެއްގެ މާލީ އަގު އުފުލިގެން ދިޔުމަށް ރިޢާޔަތްކުރެވިދާނެއެވެ. ނަމަވެސް މިކަންކުރާނެ ގޮތެއް ކަނޑައަޅާނީ ޑައިރެކްޓަރުންނެވެ. މީގެ އިތުރުން، ކުންފުނީގެ ކާމިޔާބީއަކީ ކުންފުނީގެ އެންމެހައި މެންބަރުންނަށް ރައްދުވާންޖެހޭ އެއްޗެކެވެ. މިސާލަކަށް ޑައިރެކްޓަރަކު ކުރާ ކަމަކުން ކުންފުނީގެ ބައެއް ހިއްސާދާރުންނަށް ފައިދާވުމަކީ ކުންފުންޏަށާއި ކުންފުނީގެ އެންމެހައި މެންބަރުންނަށް ފައިދާވާ ކަމެއްގެ ގޮތުގައި ނުބެލެވޭނެއެވެ.

(ނ) ވަކި ފަރާތަކަށް ބުރަނުވެ ނިންމުންތައް ނިންމުން: ވަކި ފަރާތަކަށްނުޖެހި ކުންފުނީގެ މަސްލަހަތަށްޓަކައި ޑައިރެކްޓަރުން ނިންމުންތައް ނިންމަންވާނެއެވެ. މީގެ ބޭނުމަކީ ޑައިރެކްޓަރެއްގެ އަމިއްލަ މަސްލަހަތާއި ކުންފުނީގެ މަސްލަހަތު ފުށުއެރުން ހުއްޓުވުމެވެ. ކުންފުންޏެއްގެ ހިއްސާދާރުން ނިންމާ ނިންމުންތަކުގައި އެމީހުންގެ ޒާތީ މަސްލަހަތު އިސްކުރެވިދާނެއެވެ. ނަމަވެސް ކުންފުންޏެއްގެ ޑައިރެކްޓަރަކަށް ޒާތީ މަސްލަހަތު އިސްނުކުރެވޭނެއެވެ. ޑައިރެކްޓަރުގެ ވާޖިބު އަބަދުވެސް އޮންނާނީ ކުންފުނީގެ މަސްލަހަތު ކުރިއެރުވުމަށެވެ.

(ރ) އެކަށީގެންވާވަރަށް ފަރުވާތެރިކަމާއި ހުނަރުވެރިކަމާއި ލަޔާގާތްތެރިކަމާއެކު މަސައްކަތްކުރުން: ޑައިރެކްޓަރަކު އަމަލުކޮށްފައިވަނީ އެކަށީގެންވާ ވަރުގެ ފަރުވާތެރި ކަމާއި ހުނަރުވެރި ކަމާ އެކުކަން ކަނޑައެޅުމަށްޓަކައި ކޯޓުތަކުން ބޭނުންކުރަންވާނީ އޮބްޖެކްޓިވް-ސަބްޖެކްޓިވް ޓެސްޓެކެވެ. އެގޮތުން، ކޯޓުގެ ކުރިމައްޗަށް ހުށަހެޅޭ ސުވާލަކީ ކުންފުންޏެއްގެ ޑައިރެކްޓަރަކު ކަންކޮށްފައިވަނީ އެފަދަ މަގާމެއްގައި ހުންނަ އެކަށީގެންވާ ފަރުވާތެރި ޑައިރެކްޓަރެއްގެ ކިބައިން ފެންނަންޖެހޭ ތަޖުރިބާއާއި ހުނަރާއި މައުލޫމާތު ހުރި ޑައިރެކްޓަރަކު ކަންކުރާނެ ގޮތަށްތޯއާއި، މައްސަލަ ހުށަހެޅިފައިވާ ޑައިރެކްޓަރުގެ ކިބައިގައިހުރި ތަޖުރިބާއާއި ހުނަރާއި މައުލޫމާތަށެވެ. މި ޓެސްޓުގެ ނަތީޖާއަކީ، ޑައިރެކްޓަރަކު ނިންމި ނިންމުމެއްގެ ސަބަބުން ކުންފުންޏަށް ގެއްލުންވާ ހާލަތުގައި، އެގޮތަށް ދިމާވާން މެދުވެރިވި ސަބަބަކީ އޭނާގެ ކިބައިގައި އެކަށީގެންވާވަރުގެ ތަޖުރިބާއާއި ހުނަރު ނެތުމުންކަމަށް ބުނުމުގެ ފުރުސަތު ނުދިނުމެވެ.

(ބ) މަސްލަހަތު ފުށުއަރާ ހާލަތްތަކުން އެއްކިބާވުން: ޑައިރެކްޓަރެއްގެ އަމިއްލަ މަސްލަހަތާއި ކުންފުނީގެ މަސްލަހަތާ ސީދާކޮށްވިޔަސް ނުސީދާކޮށްވިޔަސް ފުށުއަރާ ހާލަތެއްގައި، ޑައިރެކްޓަރަކު ނިންމުންތައް ނިންމުމުން ނުވަތަ ކަންކަން ކުރުމުން ދުރުހެލިވާންޖެހެއެވެ. އެގޮތުން އެއްވެސް ކަހަލަ މުދަލެއް، މައުލޫމާތެއް ނުވަތަ ފުރުސަތަކާ ގުޅިގެން ކުންފުނީގެ މަސްލަހަތާއި ޑައިރެކްޓަރުގެ މަސްލަހަތު ފުށުއަރާނަމަ، އެ ޑައިރެކްޓަރަކު ކުންފުނީގެ ފަރާތުން އެއްވެސް ނިންމުމެއް ނިންމައިގެން ނުވާނެއެވެ.

(ޅ) ތިންވަނަ ފަރާތްތަކުން ދޭ މަންފާ ބަލައިނުގަތުން: ކުންފުނީގެ ޑައިރެކްޓަރަކު މަގާމުގެ ހައިސިއްޔަތުން ނުވަތަ ވަކި ކަމެއް ކޮށްދިނުމުގެ މުގާބިލުގައި ތިންވަނަ ފަރާތަކުން ދޭ މަންފާއެއް ލިބިގަތުމުން ދުރުހެލިވާންޖެހެއެވެ. މި އުސޫލުގެ ދަށުން، ތިންވަނަ ފަރާތަކުންދޭ ފައިސާއާއި، ފައިސާ ނުހިމެނޭ ގޮތުން ދޭ ހަދިޔާ އާއި، ދަތުރުތަކާއި އަދި މިނޫންވެސް އެހެނިހެން މަންފާތަކާއި އިނާޔަތްތައް ލިބިގަތުމުން އެއްކިބާވާން ޖެހޭނެއެވެ.

(ކ) ކުރިއަށް ގެންދިއުމަށް ރޭވިފައިވާ މުއާމަލާތެއްގައި މަސްލަހަތު ފުށުއަރާކަން ހާމަކުރުން: ކުންފުނިންކުރާ މުއާމަލާތަކަށް އެ ކުންފުނީގެ ޑައިރެކްޓަރެއްގެ މަސްލަހަތު ފުށުއަރާފަދަ ހާލަތެއް ސީދާކޮށްވިޔަސް ނުސީދާކޮށްވިޔަސް އޮތްނަމަ، މުއާމަލާތް ހިނގުމުގެ ކުރިން އެކަމެއް އެ ކުންފުނީގެ ދެން ތިބި ޑައިރެކްޓަރުންނަށް ހާމަކުރަންޖެހެއެވެ.

26. މަތީގައި މި ބަޔާންކުރި ވާޖިބުތަކަކީ ހަމައެކަނި ޕްރައިވެޓް ލިމިޓެޑް ކުންފުނިތަކުގެ ޑައިރެކްޓަރުންގެ ވާޖިބުތަކެއް ނޫނެވެ. މި ވާޖިބުތަކަކީ ޕަބްލިކް ކުންފުނިތަކާއި ސަރުކާރު ކުންފުނިތަކުގެ ޑައިރެކްޓަރުންގެ ވާޖިބުވެސް މެއެވެ.

ބޯޑު ޑައިރެކްޓަރުންގެ މަސްލަހަތު ފުށުއެރުން

27. މަތީގައި ބަޔާންކުރިފަދައިން، ޑައިރެކްޓަރުންގެ މަސްލަހަތު ފުށުއަރާ ކަންކަމުން ޑައިރެކްޓަރުން އެއްކިބާ ވުމަކީ ކުންފުނިތަކުގެ ބޯޑު ޑައިރެކްޓަރުންގެ އަމާނާތްތެރިކަމުގެ ވާޖިބުގެ ތެރޭގައި ހިމެނޭ މައިގަނޑު ބައެކެވެ. ވަރަށް ގިނަ ގޮތްގޮތަށް މަސްލަހަތު ފުށުއަރާފާނެއެވެ. އެފަދަ ހާލަތްތަކުގެ ތެރޭގައި؛ ކުންފުންޏާއެކު މުއާމަލާތެއް ކުރަންޖެހޭ ފަރާތާއި ޑައިރެކްޓަރުގެ މާލީ މަސްލަހަތެއް އޮތުން، އަމިއްލަ މުސާރަ އާއި އިނާޔަތް ކަނޑައެޅުން، ކުންފުނީގެ މުދާ ލިބިގަތުން، ކުންފުނީގެ ކޮންޓްރެކްޓްތައް ނެގުން، ކުންފުނީގެ މުދަލުން އަމިއްލަ މުއާމަލާތުކުރުން، މަގާމުގެ ބޭނުންކޮށްގެން ވިޔަފާރީގެ ފުރުސަތު ތަނަވަސްކުރުމާއި ހޯދުން، ކުންފުނީގެ އެތެރޭގެ މައުލޫމާތު ބޭނުންކޮށްގެން އެކިއެކި މުއާމަލާތްކުރުމާއި މަންފާނެގުން، ކުންފުނީގެ ބޯޑުގެ މަސައްކަތަށް ފަރުވާކުޑަކުރުމާއި އިހުމާލުވުން، ވިޔަފާރީގެ ގޮތުން ކުންފުންޏާ ވާދަކުރާ ކުންފުންޏެއްގެ ޑައިރެކްޓަރަކަށްވުން ފަދަ އެތައް ހާލަތްތަކާއި ކަންކަން ހިމެނެއެވެ. މަތީގައި އެވަނީ ނިމެނިވި ލިސްޓެއް ނޫނެވެ. އެހެނީ ވަކި ނަތީޖާއެއް ނެރުމަށްޓަކައި މަގާމުގެ ނަހަމަ ބޭނުންކޮށްގެން ފައިދާ ހޯދިދާނެ މިނޫންވެސް އެތައް ގޮތެއް ހުންނާނެއެވެ. އެއިން ކޮންމެ ކަމެއް ވަޒަންކުރަންވާނީ އެ މައްސަލައެއްގެ ވަށައިގެންވާ ހަގީގަތްތަކުގެ މައްޗަށް ބުރަވެއެވެ. މަސްލަހަތު ފުށުއަރާ ހާލަތްތަކުން އަމިއްލައަށް ދުރުވުމަށްޓަކައި ފިޔަވަޅު އެޅުން ޑައިރެކްޓަރުގެ މައްޗަށް ވާޖިބުވެގެން ވެއެވެ. އެގޮތުން އެޅިދާނެ އެއް ފިޔަވަޅަކީ އެފަދަ މަސްލަހަތެއް އޮތް ނަމަ ނުވަތަ އެފަދަ ކަމެއް ކުރާނަމަ ކުންފުންޏަށް އެކަން ހާމަކުރުމެވެ. މިކަން ހާމަކުރަންވާނީ ޑައިރެކްޓަރުންގެ ބޯޑުގެ ޖަލްސާއެއްގައެވެ. އަދި އެކަން އެ ޖަލްސާގެ ޔައުމިއްޔާގައި ރެކޯޑުކުރަންވާނެއެވެ. އަދި އެކަމެއް ބޯޑަށް ހާމަކުރުމުން ކުންފުނީގެ ދުސްތޫރީ ލިޔުންތަކުން އެކަން ހުއްދަކުރާނަމަ، އެކަން ހުއްދަކުރުމުގެ އިޚްތިޔާރު ޑައިރެކްޓަރުންގެ ބޯޑަށް ލިބިގެންވެއެވެ. މަސްލަހަތު ފުށުއެރުމުން އެއްކިބާވުމަށް އަމަލުކުރެވިދާނެ އަނެއް ގޮތަކީ ކުންފުނީގެ ބޯޑަށް އެކަން ހާމަކުރުމަށްފަހު، އެފަދަ ނިންމުމެއް ނިންމުމުގައި ބައިވެރިނުވެ އެކަމުން އެކަހެރިވުމެވެ. އަދި އެ ނިންމުމަށް ކުންފުނިން ވާސިލުވުމާ ބެހޭގޮތުން ކުންފުނިން ކުރާ އެއްވެސް ކަމަކަށް ބާރު އަޅައި ނުވަތަ ނުފޫޒުފޯރުވައި ނެހެދުމެވެ. ބޯޑުގެ ފަރާތުން ޑައިރެކްޓަރެއްގެ މަސްލަހަތު ފުށުއަރާކަމަކަށް ހުއްދަދޭންވާނީ ހެޔޮނިޔަތުގައި އެކަމަކީ އެ ހާލަތުގައި ކުންފުނީގެ މަސްލަހަތަށް އުނިކަން ނާންނަ ކަމެއްކަމަށް ވާނަމައެވެ. ޑައިރެކްޓަރެއްގެ މަސްލަހަތު ފުށުއަރާ ކަމެއްގައި މި ބަޔާންކުރި ގޮތާ ޚިލާފުވެއްޖެ ނަމަ އެކަމަކީ ގާނޫނީ ނަތީޖާއާ ކުރިމަތިލާންޖެހޭނެ ކަމެކެވެ. އޭގެ ތެރޭގައި ޑައިރެކްޓަރުގެ މަގާމުން ޑިސްކޮލިފައިވުމާއި، ކުންފުންޏަށް ގެއްލުމެއް ލިބިއްޖެ ނަމަ ބަދަލުދޭންޖެހުން ހިމެނެއެވެ. މިކަންކަން ކުރުމުގެ ބާރު ކޯޓުތަކަށް ލިބިގެންވެއެވެ. އެއީ މަކަރާއި ހީލަތް ހުއްޓުވުމަށާއި، މަގާމުގެ ނާޖާއިޒު ފައިދާ ހޯދުން ހުއްޓުވުމަށާއި ދިވެހިރާއްޖޭގައި ކުންފުނިތައް އިންސާފުވެރިކަމާއެކު ހިންގުމުގެ މާހައުލެއް ގާއިމުވެފައި އޮތުމަކީ ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ގާނޫނުގެ ތަސައްވުރުކަމަށްވާތީއެވެ.

28. މަތީގައި ބަޔާންކުރި ފަދައިން ބޯޑު ޑައިރެކްޓަރެއްގެ އަމިއްލަ މަސްލަހަތާއި ކުންފުނީގެ މަސްލަހަތާ ސީދާކޮށްވިޔަސް ނުސީދާކޮށްވިޔަސް ފުށުއަރާ ހާލަތެއްގައި، ޑައިރެކްޓަރަކު ނިންމުންތައް ނިންމުން ނުވަތަ އެ ކަމެއްކުރުމުން އެކަހެރި ވާންޖެހެއެވެ. އެގޮތުން އެއްވެސް ކަހަލަ މުދަލަކާއި ނުވަތަ މުއާމަލާތަކާ ނުވަތަ ފުރުސަތަކާ ގުޅިގެން ކުންފުނީގެ މަސްލަހަތާއި ޑައިރެކްޓަރެއްގެ މަސްލަހަތު ފުށުއަރާނަމަ، އެ ޑައިރެކްޓަރަކަށް އެކުންފުނީގެ ނިންމުންތައް ނުނިންމޭނެ ކަން އެނގެއެވެ. އެގޮތުން އަތުގައި މިއޮތް މައްސަލައަށް ބަލާއިރު، ސޭވް ދަ ޑްރީމް މޯލްޑިވްސްގެ މެނެޖިންގ ޑައިރެކްޓަރު ޙުސައިން ޝިހާމް ޢަލީ އަކީ މާހަލް ޓުއާޒް ކުންފުނީގެ ހިއްސާދާރެއް އަދި ޑައިރެކްޓަރެއް ކަމަށްވާއިރު، މި ދެކުންފުނީގެ ދެމެދުގައި ކުރެވޭ މުއާމަލާތެއްގައި، ކުރިން ބޯޑަށް ހާމަކޮށްފައިނުވާ ކަމެއްގައި، މަސްލަހަތު ފުށުއަރާނެ ހާލަތެއް ހިމެނޭނެމަ، އެކަން ޙުސައިން ޝިހާމު ޢަލީއަށް ކުރެވޭނީ އެކަމެއް ދުރާލާ ޑައިރެކްޓަރުންގެ ބޯޑަށް ހާމަކޮށް ބޯޑުން ނިންމާ ގޮތެއްގެ މަތިންނެވެ. މާހަލް ޓުއާޒް ކުންފުނީގައި ޙުސައިން ޝިހާމް ޢަލީ ގެ މަސްލަހަތު ހިމެނޭތީވެ، ސޭވް ދަ ޑްރީމް މޯލްޑިވްސްގެ އެކައުންޓުން US$550,000/- (ފަސްލައްކަ ފަންސާސްހާސް އެމެރިކާ ޑޮލަރު) ނަގައި އެފައިސާ އޭނާގެ ސީދާ މަސްލަހަތު އޮތް މާހަލް ޓުއާޒްއަށް ދިނުމަކީ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ ޖަލްސާއަކަށް ހުށަނާޅައި ޙުސައިން ޝިހާމް ޢަލީ އަމިއްލައަށް ނިންމޭނެ ނިންމުމެއް ކަމަށް ނުވާތީވެ، ސޭވް ދަ ޑްރީމް މޯލްޑިވްސް ގެ ބޯޑު ޑައިރެކްޓަރެއްގެ ހައިސިއްޔަތުން ޙުސައިން ޝިހާމް ޢަލީ ގެ މައްޗަށް އޮތް އަމާނާތްތެރިކަމުގެ ވާޖިބާ ޚިލާފުވެފައިވާ ކަން ސާފުކޮށް އެނގެއެވެ. ޙުސައިން ޝިހާމް ޢަލީގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޝަރީއަތުގެ މަޖިލީހުގައި ބުނެފައިވަނީ އެގްރީމަންޓާ އެއްގޮތަށް ކުލި ދެއްކުމަކީ ސޭވް ދަ ޑްރީމް މޯލްޑިވްސް ގެ މައްޗަށް އޮތް އިލްތިޒާމެއް ކަމަށްވެފައި އެ އިލްތިޒާމް ފުރިހަމަކުރުމަކީ ކުންފުނީގެ މެނެޖިންގ ޑައިރެކްޓަރުގެ މަސްއޫލިއްޔަތަކަށް ވާއިރު، އަދި ސަބްލީސް އެގްރީމަންޓަށް އިސްލާޙް ގެނައުމަށް ސޭވް ދަ ޑްރީމް މޯލްޑިވްސްގެ ބޯޑުން ފާސްކޮށްފައިވާ ބޯޑު ރިޒޮލިއުޝަނުގައި14 ކުލި ދައްކަން ޖެހޭކަމަށް ބަޔާންކޮށްފައި އޮތުމުން އެ އެގްރީމަންޓްގެ ދަށުން ފައިސާ ދެއްކުމާމެދު އަލުން ޑައިރެކްޓަރުންގެ ބޯޑުގައި މަޝްވަރާކުރަން ނުޖެހޭ ކަމަށާއި، އަދި އެ ފައިސާ ދައްކާފައިވަނީ ސަބްލީސް އެގްރީމަންޓަށް އަމަލުކޮށް ސޭވް ދަ ޑްރީމް މޯލްޑިވްސް ކުންފުނީގެ މަސްލަހަތުގައި ހެޔޮނިޔަތުގައި ކަމަށްވާއިރު، އެއީ ޑައިރެކްޓަރުގެ އަމާނާތްތެރިކަމުގެ ވާޖިބަށް އުރެދުނީކަމުގައި ނުބެލެވޭނެ ކަމަށެވެ. ޙުސައިން ޝިހާމް ޢަލީގެ މި ވާހަކައިގައި ބުރަދަނެއް އޮތް ކަމަށް ނުދެކެމެވެ. ސަބަބަކީ އެ ފައިސާ ދީފައިވަނީ އޭނާ މެނެޖިންގ ޑައިރެކްޓަރަކަށް ހުރި އެހެން ކުންފުންޏަކަށް ކަމުން އޭނާގެ މަސްލަހަތު މި މުއާމަލާތުގައި ފުށުއަރާނެތީވެ، އެ މުއާމަލާތު ހިންގުމުން އޭނާ އެއްކިބާވުމަށް އޭނާގެ މައްޗަށް ލާޒިމުކުރާތީ އެ ވާޖިބާ އެއްގޮތަށް އޭނާ އަމަލުނުކުރުމުންނެވެ. އެފައިސާ ދެއްކުމާމެދު އަނެއް ހިއްސާދާރު ސުވާލު އުފައްދާފައި ވަނިކޮށް، މާހަލް ޓުއާޒްއަކީ އޭނާ ޑައިރެކްޓަރަކަށް ނުވާ ކުންފުންޏެއްނަމަ އެ މަގާމުގައި އޭނާ އެފައިސާ މާހަލް ޓުއާޒްއަށް ދޭނެތޯ ނުވަތަ ނޫންތޯ ސުވާލުކުރެވިއްޖެނަމަ އެ ސުވާލުގެ ޖަވާބު އީޖާބީ ގޮތެއްގައި އައުމަކީ ދުރުކަމެކެވެ. އަދި އެހެން ގޮތަކަށް އެ ސުވާލުކުރާނަމަ، އެހެން މީހަކު މެނެޖިންގ ޑައިރެކްޓަރަކަށް ހުރެއްޖެނަމަ އެ ހާލަތުގައި އެމީހަކު އަމަލުކުރާނީ ހަމަ އެގޮތަށް ހެއްޔެވެ؟

29. މަތީގައި ބަޔާންކުރި ފަދައިން އެ ފައިސާ ދައްކާފައިވަނީ ސަބްލީސް އެގްރީމަންޓަށް އަމަލުކޮށް ސޭވް ދަ ޑްރީމް މޯލްޑިވްސް ކުންފުނީގެ މަސްލަހަތުގައި ހެޔޮނިޔަތުގައި ކަމަށް ޙުސައިން ޝިހާމް ޢަލީ ބުނެފައިވެއެވެ. އެހެން ނަމަވެސް ވަކިކަމެއް ޑައިރެކްޓަރު ކުރީ ހެޔޮނިޔަތުގައި ކަމަށް ބެލުމުގައި، އެ ޑިރެކްޓަރުގެ ނަޒަރުގައި އެކަމަކީ ހެޔޮނިޔަތުގައި ކުރިކަމެއް ކަމަށް ބުނާބުނުމަށް ކޯޓުން ބަރޯސާވެއްޖެ ނަމަ، އެގޮތަކީ ހެޔޮ ނިޔަތުގެ މުޅި މަފްހޫމުގެ އަދި ހެޔޮ ނިޔަތުގައި ކުންފުނީގެ މަސްލަހަތުގައި ކަންކުރުމަށް ޑައިރެކްޓަރުންގެ މައްޗަށް އޮންނަ އަމާނާތްތެރިކަމުގެ ވާޖިބުގެ މާނަ އާއި މަގްސަދު ގެއްލޭނެ ގޮތެއް ކަމަށް ނޫނީ ނުވާނެއެވެ. ބޭނުންވާ ހެޔޮ ނިޔަތުގެ މިނަކީ ކޮބައިކަން އެ ޑިރެކްޓަރަކު އަމިއްލައަށް ކަނޑައެޅުމަކީ ރަނގަޅުގޮތެއް ނޫނެވެ. އެހެންކަމުން އެ މިންގަނޑު ކަނޑައެޅުމަށްޓަކައި އޭނާގެ މަގާމުގައި ހުންނަ ސަބަބުވެރި އަދި އިލްމާއި ތަޖުރިބާހުރި ޑައިރެކްޓަރަކު ކަންކުރާނެ ގޮތް ވަޒަންކުރުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ދެކެމެވެ.

ޑައިރެކްޓަރުކަމުން ވަކިކުރުން

30. ކުންފުންޏާބެހޭ ގާނޫނުގެ 49 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުން، ކުންފުނި ހިންގާގޮތާމެދު ހިއްސާދާރުން ހިތްހަމަނުޖެހޭނަމަ، ކުންފުނީގެ ހިންގާ ގަވާއިދުގައި ބަޔާންކުރާ ގޮތެއްގެ މަތިން ފާސްކުރާ ޚާއްސަ ގަރާރަކުން ޑައިރެކްޓަރަކު ނުވަތަ ޑައިރެކްޓަރުން ވަކިކުރެވިދާނެއެވެ. އަދި ކުންފުންޏާބެހޭ ގާނޫނުގެ 49 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުން، ކުންފުންޏެއްގެ ޑައިރެކްޓަރުންގެ ބޯޑުގެ މެންބަރެއް ކުންފުންޏަށް ޚިޔާނާތްތެރި ވެއްޖެނަމަ ނުވަތަ ކުންފުންޏަށް ގެއްލުންވާފަދަ އަމަލެއް ކޮށްފިނަމަ، ނުވަތަ އެފަދަ އަމަލެއް ކުރަން އުޅެފިނަމަ ނުވަތަ ކުރަން އުޅޭނަމަ، ކުންފުނީގެ ޢާންމު ޖަލްސާއެއްގައި ފާސްކުރާ ޚާއްސަ ގަރާރަކުން އެ މެންބަރަކު ކުންފުނީގެ ޑައިރެކްޓަރުންގެ ބޯޑުން ވަކި ކުރެވިދާނެއެވެ.

31. ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ގާނޫނުގެ 49 ވަނަ މާއްދާގައިވާ ގޮތުން ކުންފުނީގެ ޑައިރެކްޓަރުންގެ ބޯޑުގެ ޑައިރެކްޓަރެއްގެ އަމާނާތްތެރިކަމުގެ ވާޖިބަކާ ޚިލާފުވެއްޖެ ކަމަށް ތުހުމަތުކުރެވޭ ހާލަތުގައި އެކުންފުނީގެ ހިއްސާދާރުންގެ ޖަލްސާއަކުން ފާސްކުރާ ޚާއްސަ ގަރާރަކުން އެ ޑައިރެކްޓަރަކު ބޯޑުން ވަކި ކުރެވިދާނެއެވެ. ނަމަވެސް މި މައްސަލައިގައި ހިމެނޭ ގޮތަށް ހަމަހަމަވާގޮތަށް ކުންފުނީގެ ހިއްސާ އާއި ބޯޑު ޑައިރެކްޓަރުންގެ އަދަދު ހަމަވާ ގޮތަށް ހަމަޖައްސާފައި އޮންނަ ކުންފުންޏެއްގެ ޑައިރެކްޓަރެއްގެ މައްޗަށް ޑައިރެކްޓަރެއްގެ އަމާނާތްތެރިކަމުގެ ވާޖިބާ ޚިލާފުވެއްޖެ ކަމަށް ތުހުމަތުކުރެވޭ ހާލަތުގައި ނުވަތަ މިނޫންވެސް ގޮތަކަށް ކުންފުންޏެއްގެ ޑައިރެކްޓަރުންގެ ބޯޑުގެ ބައްދަލުވުމެއް ބޭއްވުމަށް ނުކުޅެދޭ ހާލަތުގައި، އަދި ގާނޫނު ބުނާ މިންވަރަށްވުރެ ޑައިރެކްޓަރުންގެ ބޯޑުގެ މެންބަރުންގެ އަދަދު މަދުވާ ހާލަތުގައި އަމާނާތްތެރިކަމުގެ ވާޖިބަށް އުރެދުނު ނުވަތަ ކުންފުންޏަށް ޚިޔާނާތްތެރިވި ޑައިރެކްޓަރުގެ މައްޗަށް އެއްވެސް ފިޔަވަޅެއް އެޅޭނެ ގޮތެއް ނެތުމަކީ ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ގާނޫނު ތަސައްވަރުކުރާ ގޮތް ހެއްޔެވެ؟ އެފަދަ ހާލަތެއް މެދުވެރިވެއްޖެ ނަމަ ކޯޓުގެ އެހީއެއް ހޯދުމަށް ކުންފުންޏާބެހޭ ގާނޫނު ހުރަސް އަޅާ ހެއްޔެވެ؟

32. ކުންފުންޏެއް ހިންގުމުގައި މަރުތަޅު އެޅިއްޖެނަމަ ކުންފުންޏާބެހޭ ގާނޫނުގެ 80 ވަނަ މާއްދާގެ (ހ) ގެ (6) ނުވަތަ (7) ވަނަ ނަންބަރުގެ ދަށުން އެކުންފުންޏެއް އުވާލަން ކޯޓަށް ހުށަހެޅުމުގެ އިޚްތިޔާރު އެކުންފުނީގެ ހިއްސާދާރަކަށް ލިބިގެންވާކަމަށް މި ކޯޓުން ކުރިން ނިންމާފައިވާ މުޙައްމަދު ޝަވީދު ވ. މުޙައްމަދު ލަޠީފު15 ގަޒިއްޔާގައި ބަޔާންކޮށްފައިވެއެވެ. މި އުސޫލަށް ރިއާޔަތްކުރާއިރު، ކުންފުނީގެ ހިއްސާގެ އޮނިގަނޑާއި ޑައިރެކްޓަރުންގެ ބޯޑު ހަމަޖެހިފައި އޮތް ގޮތުން އެކުންފުންޏެއްގެ ޑައިރެކްޓަރުންގެ ބޯޑު ފަންކްޝަންކުރުން ހުއްޓިއްޖެނަމަ އެކުންފުންޏެއް އުވާލުމަށް އެދި ކޯޓަށް ހުށަހެޅުމުގެ އިޚްތިޔާރު ފަރުދީގޮތުން ހިއްސާދާރުންނަށް ލިބިގެންވެއެވެ.

33. އަތުގައި މިއޮތް މައްސަލައިގައި ކަންހިނގާފައިވާ ފަދަ ގޮތަކަށް ކަންހިނގާފައި ހުންނަ މައްސަލަތަކުގައި، ޑައިރެކްޓަރަކު މަސްލަހަތު ފުށުއަރާ ގޮތަކަށް އަމަލުކުރިނަމަވެސް އެ ކުންފުނީގެ ހިއްސާ ހަމަޖެހިފައި ހުރި ގޮތުން ނުވަތަ ބޯޑު އެކުލެވިފައިވާ ގޮތުން އެފަދަ މެންބަރެއްގެ މައްޗަށް ފިޔަވަޅު އަޅަން ކުންފުނީގެ ބޯޑު ނުކުޅެދި ކުންފުނި ހިންގުމުގައި މަރުތަޅު އެޅޭފަދަ ހާލަތެއް މެދުވެރިވެއްޖެ ނަމަ، މިފަދަ މައްސަލަތަކުގައި ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ގާނޫނުގެ 73 ވަނަ މާއްދާގެ (ހ) ގެ ދަށުން ފަރުވާއެއް ކޯޓުން ހޯދައި ދިނުމަކީ އެންމެ އިންސާފުވެރި ގޮތް ކަމަށް ފެނެއެވެ. ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ގާނޫނުގެ 73 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރަނީ ކުންފުންޏެއްގެ މެންބަރެއްގެ މަސްލަހަތަށް ނުވަތަ ހައްގަކަށް އުނިކަމެއް ލިބިއްޖެނަމަ ނުވަތަ އެ ކުންފުންޏެއްގެ ކަންތައްތައް ހިންގައި ކުރިއަށް ގެންދަނީ، ކުންފުނީގެ މެންބަރުންގެ ނުވަތަ މެންބަރުންގެ ތެރެއިން ބަޔެއްގެ ނުވަތަ މެންބަރެއްގެ މަސްލަހަތަށް ނުވަތަ ހައްގަކަށް އުނިކަމެއް ލިބޭފަދަ ގޮތަކަށްކަމުގައި ވަނީނަމަ، ކޯޓުގެ އަމުރެއް ހޯދުމަށް އެދި އެ ކުންފުންޏެއްގެ މެންބަރުންނަށް ނުވަތަ މެންބަރަކަށް ކޯޓަށް ހުށަހެޅިދާނެ ކަމަށެވެ. އަދި މި މާއްދާގެ (ށ) ގައި ބުނަނީ މި މާއްދާގެ (ހ) ގެ ދަށުން ކުންފުންޏެއްގެ މެންބަރަކު ނުވަތަ މެންބަރުން ހުށަހެޅި ހުށަހެޅުމުގައިވާ ކަމަކީ، ކޯޓުގެ ނަޒަރުގައި އެ ހުށަހެޅުމެއް ހުށަހެޅި ފަރާތެއްގެ މަސްލަހަތަކަށް ނުވަތަ ހައްގަކަށް އުނިކަމެއް ލިބޭ ފަދަ ކަމެއްކަމުގައި ވަނީނަމަ، ތިރީގައި ބަޔާންކޮށްފައިވާ ފަދަ އަމުރެއް ނުވަތަ އަމުރުތަކެއް ނެރުމުގެ ބާރު، ކޯޓަށް ލިބިގެންވާ ކަމަށެވެ.

(ހ) މެންބަރެއްގެ މަސްލަހަތަކަށް ނުވަތަ ހައްގަކަށް އުނިކަމެއް ލިބޭކަމަށް ހުށަހަޅާ ކަމަކާ ގުޅޭ، ކުންފުނީގެ ކަންތައްތައް ވަކިގޮތަކަށް ހިންގުމަށް ކަނޑައަޅާފައިވާ އަމުރެއް.

(ށ) މެންބަރަކު ނުވަތަ މެންބަރުން އެފަރާތުގެ ހައްގަކަށް އުނިކަމެއް ލިބޭކަމަށް ހުށަހެޅި ކަންތައް ރަނގަޅު ކުރުވުމުގެ ނުވަތަ ހުއްޓުވުމުގެ އަމުރެއް.

(ނ) ކުންފުނީގެ އަސާސީ ގަވާއިދަށް ނުވަތަ ހިންގާ ގަވާއިދަށް ބަދަލު ގެނައުމުގެ އަމުރެއް.

34. ސޭވް ދަ ޑްރީމް މޯލްޑިވްސް ގެ ހިއްސާ އާއި ޑައިރެކްޓަރުންގެ ބޯޑުގެ މެންބަރުން ހަމަޖައްސާފައިވާ ގޮތުން، މިހާރު މިކުންފުންޏަށް ދިމާވެފައިވާ މައްސަލަތައް ކުންފުނީގެ ތެރެއިން ހައްލުކުރެވޭނެ މަގެއް ނެތެވެ. ކުންފުނީގައި ތިބީ ހިއްސާ ހަމަހަމައަށް ބެހިގެންވާ ދެ ހިއްސާދާރުންނެވެ. ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުންގެ އަދަދަކީ 2 އެވެ. ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ގާނޫނު ބުނާ ގޮތުން ކޮންމެ ކުންފުންޏެއްގެ ޑިރެކްޓަރުންގެ ބޯޑުގައި މަދުވެގެން 2 މެންބަރުން ތިބެން ޖެހެއެވެ. އަދި ޕްރައިވެޓް ލިމިޓެޑް ކުންފުނިތަކުގައި މަދުވެގެން ދެ ހިއްސާދާރުން ތިބެންޖެހެއެވެ. އެހެންކަމުން މި ފަދަ ގޮތަކަށް ކުންފުނި ހިންގުން އިންތިޒާމުވެފައި ހުންނަ ކުންފުނިތަކުގެ ޑައިރެކްޓަރަކުގެ އަމާނާތްތެރިކަމުގެ ވާޖިބާ ޚިލާފުވާ ކަމަށް ގަބޫލުކުރެވޭ ހާލަތްތަކުގައި ކުންފުންޏާބެހޭ ގާނޫނުގެ 73 ވަނަ މާއްދާގެ (ހ) ގެ ދަށުން ފަރުވާއެއް ކޯޓުން ހޯދައި ދިނުމަކީ އެންމެ އިންސާފުވެރި ގޮތް ކަމަށް ދެކެމެވެ. އެހެންކަމުން، މި މައްސަލައިގައި، ސޭވް ދަ ޑްރީމް މޯލްޑިވްސްގެ ހިއްސާދަރެއް ކަމަށްވާ ސޭވް ދަ ޑްރީމް ފްރާންސް އިން ޙުސައިން ޝިހާމް ޢަލީގެ ޑައިރެކްޓަރު ކަމުގެ ވާޖިބާ ޚިލާފުވެފައިވާކަން ސާބިތުކުރުމަށް ކޯޓަށް ހުށަހެޅުމުގެ ހައްގު އެކުންފުންޏަށް ލިބިގެންވެއެވެ.

35. ކުންފުނީގެ ޑައިރެކްޓަރެއްގެ އަމާނާތްތެރިކަމުގެ ވާޖިބާ ޚިލާފުވެ، ކުންފުނީގެ އާންމު ޖަލްސާއިން އެ މައްސަލައަށް ހައްލު ނުލިބޭ ހާލަތުގައި އެމައްސަލަ ކޯޓަށް ހުށަހެޅިއްޖެ ނަމަ، ޑައިރެކްޓަރަކު އޭނާގެ އަމާނާތްތެރިކަމުގެ ވާޖިބާ ޚިލާފުވެފައިވާ ކަމަށް ކޯޓަށް ފެނިއްޖެނަމަ، އެ ޑައިރެކްޓަރަކު ޑައިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމުން ޑިސްކޮލިފައި ކުރުމުގެ ބާރު ކޯޓަށް ލިބިގެންވާކަމަށް ދެކެމެވެ. މިހެން މި ބަޔާންކުރާ ސަބަބަކީ ޑައިރެކްޓަރުންގެ އަމާނާތްތެރިކަމުގެ ވާޖިބު އޮންނާނެ ކަމަށް ގަބޫލުކުރުމަކީ އެ ވާޖިބާ ޚިލާފުވުމުން ދޭނެ އަދަބެއް ނުވަތަ އެކަމުގެ ގާނޫނީ ނަތީޖާއެއް އޮންނާނޭކަމަށް ދިވެހިރާއްޖޭގެ ކޯޓުތަކުން ގަބޫލުކޮށްފައިވާ ކަމަށް ބަލަންޖެހޭތީއެވެ. އެއާ ޚިލާފަށް، އެ އަމަލަކީ ލިބޭނެ ގާނޫނީ އަދަބެއް ނެތް އަމަލެއް ކަމަށްވާނަމަ އެއީ ގާނޫނީ ގޮތުން ވާޖިބެއް ކަމަށް ނުބެލެވޭނެއެވެ.

36. އިސްތިއުނާފީ ފުރަތަމަ ނުކުތާގައި އިސްވެ ބަޔާންކުރި ފަދައިން، މި މައްސަލައިގައި ކަން ހިނގާފައިވާ ގޮތަށް ބަލާއިރު، މާހަލް ޓުއާޒް ކުންފުނީގައި ޙުސައިން ޝިހާމް ޢަލީ ގެ މަސްލަހަތު ހިމެނޭތީވެ، ސޭވް ދަ ޑްރީމް މޯލްޑިވްސްގެ އެކައުންޓުން US$550,000/- (ފަސްލައްކަ ފަންސާސްހާސް އެމެރިކާ ޑޮލަރު) ނަގައި އެފައިސާ އޭނާގެ ސީދާ މަސްލަހަތު އޮތް މާހަލް ޓުއާޒް އަށް ދިނުމަކީ ކުންފުނީގެ ޑައިރެކްޓަރުންގެ ބޯޑުގެ ޖަލްސާއަކަށް ހުށަނާޅައި ޙުސައިން ޝިހާމް ޢަލީ އަމިއްލައަށް ނިންމޭނެ ނިންމުމެއް ކަމަށް ނުވާތީވެ، ސޭވް ދަ ޑްރީމް މޯލްޑިވްސް ގެ ބޯޑު ޑައިރެކްޓަރެއްގެ ހައިސިއްޔަތުން ޙުސައިން ޝިހާމް ޢަލީ ގެ މައްޗަށް އޮތް އަމާނާތްތެރިކަމުގެ ވާޖިބާ ޚިލާފުވެފައިވާ ކަން ސާބިތުވާތީވެ، ސޭވް ދަ ޑްރީމް މޯލްޑިވްސް ގެ ބޯޑު ޑައިރެކްޓަރުކަމުން ޙުސައިން ޝިހާމް ޢަލީ ޑިސްކޮލިފައި ކުރަންޖެހެއެވެ.

37. މި މައްސަލައިގައި މި ކޯޓުން ސޭވް ދަ ޑްރީމް މޯލްޑިވްސް ގެ ބޯޑު ޑައިރެކްޓަރުކަމުން ޙުސައިން ޝިހާމް ޢަލީ ޑިސްކޮލިފައި ކުރުމުން އެކުންފުނި ހިންގުމަށް އެޅޭ ހުރަސްތައް ނައްތާލުމަށް ނުވަތަ ހައްލެއް ހޯދުމަށް، މަތީގައި ބަޔާންވެދިޔަ އުސޫލުތަކުގެ ތެރެއިން ކޯޓުގެ އެހީއެއް ހޯދުމުގެ ބާރު ކުންފުނީގެ ހިއްސާދާރުންނަށް ލިބިގެންވެއެވެ.

ފައިސާ އަނބުރާ ނަގައިދިނުން

38. ކުންފުންޏެއްގެ ޑައިރެކްޓަރަކު ކުންފުންޏަށް ޚިޔާނާތްތެރިވެއްޖެ ނަމަ، ނުވަތަ މަގާމުގެ ނަހަމަ ބޭނުންކޮށްގެން ފައިދާއެއް ނަގައިފިނަމަ އެ ފައިސާއެއް ހޯދުމަށް އެ ޑައިރެކްޓަރެއްގެ މައްޗަށް ދައުވާ ކުރެވިދާނެ ކަމާއި، އެ ޑައިރެކްޓަރެއްގެ އަމާނާތްތެރިކަމުގެ ވާޖިބަށް އުރެދުމުގެ ސަބަބުން ކުންފުންޏަށް ގެއްލުމެއްވެއްޖެ ނަމަ ގެއްލުމުގެ ބަދަލު ހޯދަން ދައުވާ ކުރެވިދާނެކަން މި ކޯޓުން ކުރިން ނިންމާފައިވާ އޯޝަން ހަރވެސްޓް (މޯލްޑިވްސް) ޕްރައިވެޓް ލިމިޓެޑް ވ. އާދަމް އަބްދުލްޣަފޫރު16 ގަޒިއްޔާ އާއި ޝަރޫ ލޯންޗް ސަރވިސް ޕްރައިވެޓް ލިމިޓެޑް އަދި އިތުރު 3 ފަރާތެއް ވ. ފެނަކަ ކޯޕަރޭޝަން ލިމިޓެޑް17 ގަޒިއްޔާގެ ހުކުމުން އެނގެއެވެ. އަދި މި ބާވަތުގެ މައްސަލަތަކުގައި ދައުވާ ސަބިތުކުރުމުގެ ޒިންމާ އޮންނާނެ ފަރާތާއި ދައުވާ ސާބިތުކުރުމުގެ މިންގަނޑުވެސް އޯޝަން ހަރވެސްޓް (މޯލްޑިވްސް) ޕްރައިވެޓް ލިމިޓެޑް18 ގަޒިއްޔާ ގައި ބަޔާންކޮށްފައި ވެއެވެ.

39. މިގޮތުގެމަތިން ނަގައިދެވޭ ގެއްލުމުގެ ބަދަލަކީ ކުންފުންޏަށް ލިބެންޖެހޭނެ ގެއްލުމުގެ ބަދަލެކެވެ. މައްސަލައެއްގައި ވަކި ހިއްސާދާރަކު ފަރުދީ ގޮތުން ދައުވާކުރާ ހާލަތުގައިވެސް، ކޯޓުން ބަދަލު ނަގައިދޭންވާނީ ކުންފުންޏަށެވެ. ވަކި ހިއްސާދާރަކަށް ނޫނެވެ.

40. މި މައްސަލައިގައި ޙުސައިން ޝިހާމް ޢަލީ ކުންފުނީގެ މެނެޖިންގ ޑައިރެކްޓަރުގެ މަގާމުގައިހުރެ އޭނާގެ މަސްލަހަތު ފުށުއަރާ ކުންފުންޏަކަށް ދިން ފައިސާއަކީ ޙުސައިން ޝިހާމް ޢަލީގެ އަތުން އިސްތިއުނާފުކުރާ ފަރާތަށް މި ކޯޓުން ނަގައިދެވިދާނެ ފައިސާއެއް ކަމުގައިވީ ނަމަވެސް، އެ އިސްތިއުނާފުކުރާ ފަރާތުން މާހަލް ޓުއާޒްއަށް ކުލިދައްކަންޖެހިފައި އޮތުމުން އެފައިސާއަކީ އެގޮތުން އިސްތިއުނާފުކުރާ ކުންފުނީގެ ތައާގުދީ ޒިންމާއެއް އަދާކުރުމަށް ދައްކާފައިވާ ފައިސާއެއް ކަމަށް ބަލައި އެފައިސާ ޙުސައިން ޝިހާމް ޢަލީ އަތުން އަތުލައިދެވިދާނެ ކަމަށް ނުދެކެމެވެ. އެގޮތަށް އެފައިސާ ނަގައިދީފިނަމަ، އިސްތިއުނާފުކުރާ ފަރާތަށް ބޭއިންސާފު މުއްސަނދި ކަމެއް ލިބޭނެތީއެވެ. އެއާ ޚިލާފަށް އެ ފައިސާ ޙުސައިން ޝިހާމް ޢަލީގެ މަސްލަހަތުފުށުއަރާ މާހަލް ޓުއާޒްއަށް ދިނީ އިސްތިއުނާފުކުރާ ކުންފުނީގެ އެހެނިހެން ދަރަނިތަކެއްހުރެ އެފަދަ އަރަނިވެރިންތަކެއްގެ ހައްގު ގެއްލޭ ގޮތަކަށް ކަމުގައިވީ ނަމަ، މި ނުކުތާގައި މި ނޫންގޮތަކަށް މި ކޯޓުން ނިންމުމުގެ އިހުތިމާލު އޮންނާނެއެވެ. ކުންފުންޏެއްގެ ދަރަނި އަދާނުކުރެވި އެކުންފުނި ބަނގުރޫޓު ވުމުގެ ތުންފަތް މަތީގައި ވަނިކޮށް އެކުންފުނީގެ އެންމެހާ އަރަނިވެރިންގެ ހައްގުތަކަށް އުނިކަމެއް އަތުވެދާނެ ގޮތަކަށް ކުންފުނީގެ ޑައިރެކްޓަރަކު ނުވަތަ ޑައިރެކްޓަރުން އަމަލުކުރިނަމަ، އެ އަމަލަކީ ކުންފުނީގެ އަރަނިވެރިންނަށް ކުންފުނީގެ ޑައިރެކްޓަރުން އަދާކުރަންޖެހޭ އަމާނާތްތެރިކަމުގެ ވާޖިބަށް އުރެދުން ކަމަށްވާނެތީވެ، ޑައިރެކްޓަރުންގެ އެފަދަ މުއާމަލާތްތައް ބާތިލުކުރުމުގެ ބާރު ކޯޓަށް ލިބިގެންވެއެވެ. ނަމަވެސް ސުޕްރީމް ކޯޓުގެ ޝަރީއަތުގެ މަޖިލީހުގައި މި މައްސަލައިގައި ހިމެނޭ ދެފަރާތާ ސުވާލުކުރުމުން އޭގެ ޖަވާބުގައި ބުނެފައިވަނީ ސޭވް ދަ ޑްރީމް މޯލްޑިވްސް އިން މާހަލް ޓުއާޒްއަށް ދައްކަންޖެހޭ ސަބްލީސް ކުލިފިޔަވައި އެހެން އެއްވެސް ފަރާތަކަށް ދައްކަންޖެހޭ ދަރަންޏެއް ކުންފުނީގައި އެ ވަގުތު ނެތް ކަމަށެވެ.

ކުންފުނީގެ ސެކްރެޓަރީ ވަކިކުރުން

41. މި ކޯޓަށް ހުށަހެޅުނު އިސްތިއުނާފީ ނުކުތާތަކުގައި ކުންފުނީގެ ސެކްރެޓަރީ ވަކިކުރުމާބެހޭ ގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައިވާ ނިންމުން ތައުނުކޮށްފައި ނުވާތީވެ، އެ ކަމާބެހޭ ގޮތުން ސުޕްރީމް ކޯޓުގެ މި ހުކުމުގައި ގޮތެއް ކަނޑައަޅާފައި ނުވެއެވެ.

ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުގެ ރައުޔު

42. މި މައްސަލައިގައި ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންގެ ރައުޔު

43. މި މައްސަލައިގައި ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

ހުކުމް

ދެންފަހެ، އިސްވެ ފާހަގަކުރެވުނު ސަބަބުތަކަށްޓަކައި:

(ހ) ސިވިލް ކޯޓުގެ ނަންބަރު 1002/Cv-C/2020 ގަޒިއްޔާއާއި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2021/HC-A/171 ގަޒިއްޔާގައި ކުންފުނީގެ ސެކްރެޓަރީ ވަކިކުރުމާބެހޭ ގޮތުން ނިންމާފައިވާ ނިންމުންތައް ފިޔަވައި، އެ ދެ ގަޒިއްޔާގެ ހުކުމުގައި އެ ދެކޯޓުން ކަނޑައަޅާފައިވާ އެހެނިހެން ކަންކަން ބާތިލުކުރުމަށް ސުޕްރީމް ކޯޓުގައި މި މައްސަލަބެލި ފަނޑިޔާރުންގެ އިއްތިފާގުން ކަނޑައަޅައިފީމެވެ.

(ށ) ސޭވް ދަ ޑްރީމް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ގެ މެނޭޖިންގ ޑައިރެކްޓަރުގެ މަގާމުގައި ހުރެ ޑައިރެކްޓަރުންގެ އަމާނާތްތެރިކަމުގެ ވާޖިބާއި ޙުސައިން ޝިހާމް ޢަލީ ޚިލާފުވެފައިވާ ކަމަށާއި އެ ސަބަބަށްޓަކައި ޙުސައިން ޝިހާމް ޢަލީ ސޭވް ދަ ޑްރީމް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ކުންފުނީގެ ބޯޑުގެ ޑައިރެކްޓަރުކަމުން ޑިސްކޮލިފައި ކުރުމަށް ސުޕްރީމް ކޯޓުގައި މި މައްސަލަބެލި ފަނޑިޔާރުންގެ އިއްތިފާގުން ކަނޑައަޅައިފީމެވެ.

(ނ) މި މައްސަލައިގައި ކުންފުނީގެ ޑައިރެކްޓަރުގެ ވާޖިބާ ޚިލާފަށް ޙުސައިން ޝިހާމް ޢަލީ ސޭވް ދަ ޑްރީމް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ބޭންކް އެކައުންޓުން ނަގައި މާހަލް ޓުއާޒް ޕްރައިވެޓް ލިމިޓެޑްއަށް ދީފައިވާ ފައިސާއަކީ، މަތީގައި ބަޔާންކުރެވުނު ސަބަބުތަކަށްޓަކައި، ސޭވް ދަ ޑްރީމް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އަށް ޙުސައިން ޝިހާމް ޢަލީގެ އަތުން ނުވަތަ މާހަލް ޓުއާޒް ޕްރައިވެޓް ލިމިޓެޑްގެ ކިބައިން ނަގައިދެވިދާނެ ފައިސާއެއް ނޫންކަމަށް ސުޕްރީމް ކޯޓުގައި މި މައްސަލަބެލި ފަނޑިޔާރުންގެ އިއްތިފާގުން ކަނޑައަޅައިފީމެވެ.

މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ: މަޙާޒު ޢަލީ ޒާހިރު ޢަލީ ރަޝީދު ޙުސައިން ޙުސްނުއްސުޢޫދު (ރިޔާސަތު)

1 ޙުސައިން ޝަރީފް ވ. ބްލޫ ލެގޫން އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް އަދި މިނިސްޓްރީ އޮފް ޓޫރިޒަމް (ދިވެހި ދައުލަތް) [2022] SC 37؛ އޯޝަން ހަރވެސްޓް (މޯލްޑިވްސް) ޕްރައިވެޓް ލިމިޓެޑް ވ. އާދަމް އަބްދުލްޣަފޫރު [2022] SC 54؛ ޝަރޫ ލޯންޗް ސަރވިސް ޕްރައިވެޓް ލިމިޓެޑް އަދި އިތުރު 3 ފަރާތެއް ވ. ފެނަކަ ކޯޕަރޭޝަން ލިމިޓެޑް [2022] SC 56

2 މިސާލަކަށް، ސޭވް ދަ ޑްރީމް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްއާ، ޙުސައިން ޝިހާމް ޢަލީ ގެ ހިއްސާ އޮންނަ މާހަލް ޓުއާޒްއާ ދެމެދު ސޮއިކޮށްފައިވާ ސަބްލީސް އެގްރީމަންޓް، ސިވިލް ކޯޓުގެ ނަންބަރު 1002/Cv-C/2020 ގަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު، ސ. 108

3 ބޭންކް އޮފް ސިލޯންގެ ނަންބަރު 6320323138 އެކައުންޓް

4 ބޭންކް އޮފް ސިލޯންގެ ނަންބަރު 7107645 (ސޭވް ދެ ޑްރީމް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް) ޗެކް

5 ގާނޫނު ނަންބަރު 96/10

6 ބޭންކް އޮފް ސިލޯންގެ ނަންބަރު 6320323138 އެކައުންޓްގެ ނަންބަރު 7107645 ޗެކުން ނަގާފައިވާ ފައިސާ

7 ސޭވް ދަ ޑްރީމް މޯލްޑިވްސް ގެ ނަންބަރު STDM-15/05-272018 (27 މެއި 2018) ބޯޑު ރިޒޮލިއުޝަން، ސިވިލް ކޯޓުގެ ނަންބަރު 1002/Cv-C/2020 ގަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު، ސ. 219

8 ސުޕްރީމް ކޯޓުގެ ނަންބަރު 2011/SC-A/47 ގަޟިއްޔާ

9 [2022] SC 37

10 އަބްދުﷲ ވަޒީރުގެ މައްސަލަ – ޙުސްނުއްސުޢޫދު، މޯލްޑިވިއަން ލީގަލް ސިސްޓަމް، މޯލްޑިވްސް ލޯއިންސްޓިޓިއުޓް، (2014)، ސ. 37؛ ދިވެހިރާއްޖޭގެ ހައިކޯޓުގެ ޙަސަން މުޙައްމަދު ފުޅު ވ. ތުއްތު މަނިކު، 1981/HC-A/33؛ ފިރްދައުސް ހަނީފް ވ. ސުލްތާނާ އަޙްމަދު 1918/Cv-C/2020 (ހުކުމުގެ 4 ވަނަ ނުކުތާގެ ދެވަނަ ޕެރެގްރާފް)

11 ގާނޫނު ނަންބަރު 2000/4

12 ގާނޫނު ނަންބަރު 81/06

13 އބމ 11

14 އބމ 7

15 ސުޕްރީމް ކޯޓުގެ ނަންބަރު 2017/SC-A/39 ގަޟިއްޔާ

16 [2022] SC 54

17 [2022] SC 56

18 އބމ 16

2022/SC-A/81 [2023] SC 53

2019/SC-A/300 [2021] SC 778

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ޝެއަރ ކުރައްވާ