ދިވެހިރާއްޖޭގެ މަތީ ކޯޓުތަކުގެ ޤަޟާއީ ސާބިޤާތައް

Maldives Higher Courts Case Law

Saeed Lex
[2023] SC 30 · 2023/SC-A/21

ޢާއިޝަތު ނާޝިދާ ވ. ޙަސަން ޞަލާޙް

ސުޕްރީމް ކޯޓުދަޢުވާ ފޯމު ބާޠިލު · ދަށު ކޯޓުގެ ނިންމުމަށް ބަދަލެއް ނާދޭ
ފަހުގެ ޙުކުމެއްގައި ޙަވާލާދީފައެއް ނުފެނޭޙުކުމުގެ ހާލަތު
ސުޕްރީމް ކޯޓު · 22 ޖޫން 2023ދަށު ކޯޓު: ހައިކޯޓު 2022/HC-A/476ބާވަތް: މަދަނީ

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
2022/HC-A/476، 13/Cv-C-HD/2021
ފަހުގެ ތާރީޚު
—

ކޯ ޓާމްސް

ޚުލާޞާ

ކޯޓަށް އައި ގޮތް
ސިވިލް ކޯޓު ހުޅުމާލެ ޑިވިޜަނުން ގެއްލުމުގެ ބަދަލުގެ ގޮތުގައި 2,041,934 ރުފިޔާ ޢާއިޝަތު ނާޝިދާގެ ފަރާތުން ނަގައިދިނުމަށް ޙުކުމްކުރިއެވެ. އޭނާ ހައިކޯޓަށް އިސްތިއުނާފުކުރުމުން، އިޖުރާއީ އިޢުތިރާޟަށް ޖަވާބު ނުދީ ވަކީލު ހާޟިރުނުވުމުން، ހައިކޯޓުން މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 287 ވަނަ މާއްދާގެ ދަށުން އިސްތިއުނާފު ބާޠިލުކުރިއެވެ.
ވާޤިޢާ
ހުޅުމާލޭ ގޯތިއެއްގައި 06 ބުރީގެ ފައުންޑޭޝަނެއް އަޅައި ފުރަތަމަ ބުރި ހެދުމުގެ ބަދަލުގައި އެ ބުރި 20 އަހަރަށް ޙަސަން ޞަލާޙަށް ދިނުމަށް ދެފަރާތް 2017 ގައި އެއްބަސްވިއެވެ. ތަން ޙަވާލުނުކުރުމުން ގެއްލުމުގެ ބަދަލު ހޯދަން ދަޢުވާކުރިއެވެ. ހައިކޯޓުގެ ނިންމުން ނިންމީ 26 ޖަނަވަރީ 2023 ގައި، ރިޕޯޓު ދޫކުރީ 01 މާރިޗު 2023 ގައި، އަދި ސުޕްރީމް ކޯޓަށް އިސްތިއުނާފު ހުށަހެޅީ 03 އެޕްރީލް 2023 ގައެވެ.
ކޯޓުން ނިންމަން ޖެހުނު ސުވާލު
ހައިކޯޓުގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ޙަވާލުކުރި ތާރީޚުން ފެށިގެން 30 ދުވަހުގެ މުއްދަތު ހަމަވުމަށްފަހު ސުޕްރީމް ކޯޓަށް ހުށަހެޅި އިސްތިއުނާފަކީ، މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 284 ވަނަ މާއްދާއާއި 287 ވަނަ މާއްދާގެ ދަށުން އިސްތިއުނާފު ރައްދުވާ ފަރާތުގެ އެދުމުން ބާޠިލުކުރަންޖެހޭ އިސްތިއުނާފެއްތޯ.
ޚަޞްމުންގެ ހުށަހެޅުންތައް
ހައިކޯޓުން އިސްތިއުނާފު ބާޠިލުކުރީ ޤާނޫނާ ޚިލާފަށް ކަމަށް ޢާއިޝަތު ނާޝިދާ ބުނެއެވެ. ޙަސަން ޞަލާޙް، ސުޕްރީމް ކޯޓުގެ މަދަނީ އިޖުރާއަތުގެ ގަވާއިދުގެ 34 ވަނަ މާއްދާގެ (ހ) އާއި މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 287 ވަނަ މާއްދާއަށް ހަވާލާދީ، އިސްތިއުނާފު ހުށަހެޅީ މުއްދަތު ފަހަނަޅައިގެން ކަމަށް ބުނެ ބާޠިލުކުރަން އެދުނެވެ. މުއްދަތު ގުނަންވީ ރިޕޯޓު ލިބޭތާ 30 ދުވަހުން ކަމަށް ސުޕްރީމް ކޯޓުގެ ކުރީގެ ނިންމުންތަކަށް ބަލައި ނާޝިދާ ޖަވާބުދިނެވެ.
ކޯޓުގެ ސަބަބުތައް
މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 284 ވަނަ މާއްދާގެ ދަށުން ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރަންވީ ހައިކޯޓުގެ ނިންމުމުން 30 ދުވަހުގެ ތެރޭގައި، ނުވަތަ ރިޕޯޓު ލަސްވެއްޖެނަމަ ރިޕޯޓު ޙަވާލުކުރާ ތާރީޚުން ފެށިގެން ގުނާ 30 ދުވަހުގެ ތެރޭގައެވެ. މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 285 ވަނަ މާއްދާއާ ޚިލާފަށް ހުށަހަޅާ އިސްތިއުނާފު މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 287 ވަނަ މާއްދާގެ ދަށުން ބާޠިލުކުރަން އެދުމުގެ ޙައްޤު ރައްދުވާ ފަރާތަށް ލިބެއެވެ. މުއްދަތު ހަމަވީ 02 އެޕްރީލް 2023 ގައި ކަމަށްވާއިރު، ލަސްވުމަށް އަމިއްލަ ބާރު ނުފޯރާ ސަބަބެއް ނުދައްކާތީ އިސްތިއުނާފު ބާޠިލުކުރެވުނެވެ.

ނިންމުން

ދަޢުވާ ފޯމު ބާޠިލު · ދަށު ކޯޓުގެ ނިންމުމަށް ބަދަލެއް ނާދޭ

އިސްތިއުނާފު ހުށަހަޅާފައިވަނީ މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 284 ވަނަ މާއްދާގެ (ހ) ގައިވާ 30 ދުވަހުގެ މުއްދަތު ހަމަވުމަށްފަހު ކަމަށް ނިންމައި، އިސްތިއުނާފު ރައްދުވާ ފަރާތުން އެދިފައިވާ ގޮތަށް އިސްތިއުނާފު ފޯމު ބާޠިލުކުރި. (ފަނޑިޔާރުންގެ އިއްތިފާޤުން)

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

HN1 ސުޕްރީމް ކޯޓަށް މައްސަލައެއް އިސްތިއުނާފު ކުރުމަށް ހުށަހެޅޭނީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނިންމުމެއް ނިންމާތާ 30 (ތިރީސް) ދުވަހުގެ ތެރޭގައެވެ. އެ މުއްދަތުގެ ތެރޭގައި ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ހަވާލުކޮށްފައިނުވާނަމަ، އިސްތިއުނާފުކުރުމުގެ މުއްދަތު ގުނަން ފަށާނީ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ޙަވާލުކުރާ ތާރީޚުން ފެށިގެންނެވެ (މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 284 ވަނަ މާއްދާގެ (ހ) އަދި (ށ)).

HN2 އިސްތިއުނާފު ހުށަހަޅަން ވާނީ މަދަނީ އިޖުރާއަތުގެ ޤާނޫނުގެ ސައްބީސްވަނަ ބާބުގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައެވެ. މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 285 ވަނަ މާއްދާ އާ ޚިލާފަށް އިސްތިއުނާފު ހުށަހަޅާފައިވާނަމަ އެ ޤާނޫނުގެ 287 ވަނަ މާއްދާގެ (ހ) ގެ (2) ގެ (i) ގެ ދަށުން އެ އިސްތިއުނާފު ބާޠިލްކޮށްދިނުމަށް އެދުމުގެ ޙައްޤު އިސްތިއުނާފު ރައްދުވާ ފަރާތަށް ލިބިގެން ވެއެވެ. މި ޙާލަތުގައި އިސްތިއުނާފު ބާޠިލްކޮށް ދިނުމަށް އެދި ހުށަހަޅާނީ އިސްތިއުނާފު ކުރާ މުއްދަތުގެ މައްޗަށް ބިނާކޮށެވެ.

HN3 އިސްތިއުނާފު ކުރުމަށް ކަނޑައަޅާފައިވާ މުއްދަތު ހަމަވާއިރު، އެ މައްސަލައެއް އިސްތިއުނާފު ކުރެވިފައި ނުވަނީ އަމިއްލަ ބާރު ނުފޯރެވޭ ފަދަ ސަބަބެއް މެދުވެރިވެގެންނަމަ އަދި އެކަން އިސްތިއުނާފު ކުރާ ފަރާތުން ސާބިތުކޮށްދީފިނަމަ، އެ ޙާލަތްތަކުގައި އިސްތިއުނާފު ކުރުމުގެ ލުއިތަކެއް ދެވިދާނެއެވެ.

HN4 ހައިކޯޓުގެ ނިންމުމެއް ސުޕްރީމް ކޯޓަށް އިސްތިއުނާފު ކުރުމަށް މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 284 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ 30 (ތިރީސް) ދުވަހުގެ މުއްދަތު ހަމަވުމަށްފަހު، މުއްދަތުގެ ތެރޭގައި ހުށަނޭޅުނު މަގުބޫލު ސަބަބެއް ނުދައްކައި ހުށަހަޅާފައިވާ މައްސަލައަކީ، އިސްތިއުނާފު ރައްދުވާ ފަރާތުން އެދިފައިވާ ގޮތަށް ބާޠިލްކުރަންޖެހޭ މައްސަލައެކެވެ.

ވަކީލުންނާއި ފަނޑިޔާރުން

އިސްތިއުނާފުކުރި ފަރާތުގެ ވަކީލުން
މުޢައްވިޒު ރަޝީދު، އެޑްވޮކަސީ ޗެންބަރސް
ޖަވާބުދާރީވި ފަރާތުގެ ވަކީލުން
ސާދިޙު ނަޞީރު، ލޯ އޮފީސް އޮފް ސާދިހް ނަސީރު
ބެންޗު
ޑރ. މުޙައްމަދު އިބްރާހީމް (ރިޔާސަތު)، ޑރ. އަޒްމިރާލްދާ ޒާހިރު، ޢާއިޝާ ޝުޖޫން މުޙައްމަދު
ރިޔާސަތު
ޑރ. މުޙައްމަދު އިބްރާހީމް
ރައުޔު ލިޔުނު ފަނޑިޔާރު
ޑރ. މުޙައްމަދު އިބްރާހީމް · ތާއީދުކުރެއްވީ: ޑރ. އަޒްމިރާލްދާ ޒާހިރު، ޢާއިޝާ ޝުޖޫން މުޙައްމަދު
ޚިލާފު ރައުޔު
ނެތް

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު

2023/SC-A/21

އިޖުރާއީ އިޢުތިރާޒާމެދު ނިންމި ގޮތް

ޢާއިޝަތު ނާޝިދާ ވ. ޙަސަން ޞަލާޙް

ފަނޑިޔާރުންގެ މަޖިލިސް

ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުނިމުނު ތާރީޚު

22 ޖޫން 2023އިސްތިއުނާފު ކުރެވުނު ޤަޟިއްޔާ

2022/HC-A/476

އިސްތިއުނާފު ރައްދުވާ ފަރާތް

އިސްތިއުނާފުކުރާ ފަރާތް

ޙަސަން ސަލާޙް، ދަފްތަރު ނަންބަރު ރސ 1257، މާލެ

ޢާއިޝަތު ނާޝިދާ، ހ. އެމް.އެން ވިލާ، މާލެ

ޤާނޫނީ ވަކީލު:

ޤާނޫނީ ވަކީލު:

ސާދިޙު ނަޞީރު، ލޯ އޮފީސް އޮފް ސާދިހް ނަސީރު މުއައްވިޒު ރަޝީދު، އެޑްވޮކަސީ ޗެންބަރސް

މަދަނީ – އިސްތިއުނާފު މައްސަލައާމެދު އިސްތިއުނާފު ރައްދުވާ ފަރާތުން އެދެވިދާނެ ކަންކަން- މަދަނީ އިޖުރާއަތު ޤާނޫނުގެ 284، 285، 287 ވަނަ މާއްދާ – ސުޕްރީމް ކޯޓުގެ މަދަނީ އިޖުރާއަތު ގަވާއިދުގެ 34 ވަނަ މާއްދާގެ (ހ) – އިސްތިއުނާފު ކުރުމުގެ މުއްދަތު – އިސްތިއުނާފު މައްސަލަ ބާޠިލްކުރުން

ޢާއިޝަތު ނާޝިދާ ވ. ޙަސަން ޞަލާޙް

ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމް (ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު އަދި ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދު ތާއީދު ކުރައްވާފައި)

ތަޢާރަފް

1ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2022/HC-A/476 ޤަޟިއްޔާ ނިންމާފައި ވަނީ ޤާނޫނާ އެއްގޮތަށް ނޫން ކަމަށް ދެކިގެން އެ ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް ހ. އެމް.އެން ވިލާ، ޢާއިޝަތު ނާޝިދާ (ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު A140812، މީގެ ފަހުން "ޢާއިޝަތު ނާޝިދާ" ނުވަތަ "އިސްތިއުނާފު ކުރާ ފަރާތް" މިހެން އިޝާރާތް ކޮށްފައިވާ) ގެ ފަރާތުން، ދަފްތަރު ނަންބަރު ރސ 1257، މާލެ، ޙަސަން ޞަލާޙް (ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު A039285، މީގެ ފަހުން "ޙަސަން ޞަލާޙް" ނުވަތަ "އިސްތިއުނާފު ރައްދުވާ ފަރާތް" މިހެން އިޝާރާތް ކޮށްފައިވާ) ގެ މައްޗަށް ރައްދުވާ ގޮތަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އެ ޤަޟިއްޔާ އިސްތިއުނާފު ކުރިއެވެ. މި މައްސަލަ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ބަލާފައި ވަނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2023/SC-A/21 ޤަޟިއްޔާ އިންނެވެ.

މައްސަލައިގައި ކަންހިނގާފައިވާ ގޮތް

2ޙަސަން ޞަލާޙް އާއި ޢާއިޝަތު ނާޝިދާ އާ ދެމެދު 19 އެޕްރީލް 2017 ގައި އެއްބަސްވުމެއްގައި ސޮއިކުރިއެވެ. މި އެއްބަސްވުމުގެ ދަށުން ހުޅުމާލެ ލޮޓް ނަންބަރު 11261 އެވެކިޔާ (ރަޖިސްޓްރީ ނަންބަރު GB118H) ގޯތީގެ ހުސްބިމުގައި ޙަސަން ޞަލާޙްގެ ޚަރަދުގައި 06 ބުރީގެ ފައުންޑޭޝަނެއް އެޅުމަށް އެއްބަސްވެފައި ވެއެވެ. މި އެއްބަސްވުމާ އެއްގޮތަށް 06 ބުރީގެ ފައުންޑޭޝަނެއް އަޅައި، ފުރަތަމަ ބުރި ހަދައި ފުރިހަމަކުރުމަށް ކުރާ ޚަރަދުގެ ބަދަލެއްގެ ގޮތުގައި އިމާރާތުގެ ފުރަތަމަ ބުރި ޙަސަން ޞަލާޙް އަށް 20 އަހަރު ދުވަހަށް ދިނުމަށް ޢާއިޝަތު ނާޝިދާ އެއްބަސްވެފައިވީ ނަމަވެސް، ޢާއިޝަތު ނާޝިދާ އެއްބަސްވެފައިވާ ގޮތަށް ތަން ޙަވާލުކޮށްފައި ނުވާތީ، ޢާއިޝަތު ނާޝިދާ އެއްބަސްވުމާ ޚިލާފުވެފައިވާ ކަމަށް ކަނޑައަޅައި ދިނުމަށާއި، މި ޚިލާފުވުމުގެ ސަބަބުން ޙަސަން ޞަލާޙް އަށް ލިބިފައިވާ ގެއްލުމުގެ ބަދަލުގެ ގޮތުގައި އެއްބަސްވުމުގެ ދަށުން އޭނާއަށް ލިބެން އޮތް އިމާރާތުގެ ފުރަތަމަ ބުރި 20 އަހަރު ދުވަހަށް ކުއްޔަށް ދީގެން ލިބޭނެ ކުލީގެ ޢަދަދުގެ ތެރެއިން ޙަސަން ޞަލާޙްގެ ފަރާތުން ކޮންޓްރެކްޓަރަށް ދައްކާފައިވާ 10 މަސްދުވަހުގެ ކުލި އުނިކުރުމަށްފަހު ބާކީވާ 5,750,000/-ރ. (ފަސްމިލިއަން ހަތްލައްކަ ފަންސާސްހާސް ރުފިޔާ) އެކީ އެއްފަހަރާ ހޯދުމަށް ޙަސަން ޞަލާޙްގެ ފަރާތުން ޢާއިޝަތު ނާޝިދާގެ މައްޗަށް ސިވިލް ކޯޓުގައި ދައުވާކުރިއެވެ. މި މައްސަލަ ބަލާފައި ވަނީ ސިވިލް ކޯޓު ހުޅުމާލެ ޑިވިޜަންގެ ނަންބަރު 13/Cv-C-HD/2021 ޤަޟިއްޔާ އިންނެވެ.

3ސިވިލް ކޯޓުން މި މައްސަލައިގައި ޙުކުމް ކޮށްފައި ވަނީ އިމާރާތުގެ 06 ބުރީގެ ފައުންޑޭޝަން އަޅާފައި ވަނިކޮށް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތަށް އެއްބަސްވުން ބާޠިލުނުކޮށް ގްރައުންޑް ފްލޯރ އަތުލުމާ ގުޅިގެން ޙަސަން ޞަލާޙް އަށް ވާނެ ގެއްލުމުގެ ބަދަލުގެ ގޮތުގައި 2,041,934/-ރ. (ދެމިލިއަން ސާޅީސްއެއްހާސް ނުވަސަތޭކަ ތިރީސްހަތަރެއް ރުފިޔާ) ޢާއިޝަތު ނާޝިދާގެ ފަރާތުން ނަގައި ދިނުމަށެވެ. އަދި ޙަސަން ޞަލާޙްގެ ކޮންޓްރެކްޓަރ މެދުވެރިކޮށް ޢާއިޝަތު ނާޝިދާގެ ކޮންޓްރެކްޓަރ އަށް ޙަސަން ޞަލާޙް ދިން ޗެކްތަކުގެ ތެރެއިން ހިފެހެއްޓި 04 ޗެކަށްވާ ފައިސާ ޙަސަން ޞަލާޙްގެ ފަރާތުން ހޯދުމަށް އެދި ދައުވާކުރުމުގެ ޙައްޤު ޢާއިޝަތު ނާޝިދާ އަށް އޮންނާނެ ކަމަށް ކަނޑައަޅައެވެ.

4ސިވިލް ކޯޓުގެ އިސްވެ ބަޔާންކުރި ނިންމުން ޢާއިޝަތު ނާޝިދާގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން އެ މައްސަލަ ބަލާފައި ވަނީ އެ ކޯޓުގެ ނަންބަރު 2022/HC-A/476 ޤަޟިއްޔާ އިންނެވެ.

5މި މައްސަލައިގައި ދިވެހިރާއްޖޭގެ ހައިކޯޓުން ޙުކުމްކޮށްފައި ވަނީ ޢާއިޝަތު ނާޝިދާގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކުގެ މައްޗަށް ބިނާކޮށް އިސްތިއުނާފީ ދައުވާ ކުރިއަށް ގެންދަންޖެހޭ ޤާނޫނީ ހަމައެއް ނެތް ކަމުގައާއި، މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 287 ވަނަ މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގެ (i) އަށް ރިޢާޔަތްކޮށް މައްސަލަ ބާޠިލްކުރި ކަމަށް ކަނޑައަޅައި، ޙަސަން ޞަލާޙްގެ ފަރާތުން ހުށަހެޅި އިޖުރާއީ އިޢުތިރާޟުގައި ޝަރީޢަތުގެ ޚަރަދު ނަގައިދިނުމަށް އެދިފައިވީނަމަވެސް، އެކަމުގެ ތަފްޞީލުތައް ހުށަހަޅާފައި ނުވާތީ އެކަމާމެދު ގޮތެއް ކަނޑައަޅާނެ ތަނެއް ނެތް ކަމުގައެވެ.

6ދިވެހިރާއްޖޭގެ ހައިކޯޓުގައި މި މައްސަލަ ކުރިއަށް ދިޔައިރު އިސްތިއުނާފު ރައްދުވާ ޙަސަން ޞަލާޙްގެ ފަރާތުން ހުށަހެޅި އިޖުރާއީ އިޢުތިރާޟް އާއި ގުޅިގެން އިސްތިއުނާފު ކުރާ ޢާއިޝަތު ނާޝިދާ އަށް ޖަވާބު ދިނުމަށް ދިން ފުރުޞަތުގައި ޖަވާބު ހުށަހަޅާފައި ނުވާތީ، މައްސަލައިގެ އަޑުއެހުމެއް ތާވަލުކޮށް ކޯޓަށް ހާޟިރުވުމުގެ އަމުރެއް ފޮނުވުނެވެ. ނަމަވެސް އިސްތިއުނާފު ކުރާ (ޢާއިޝަތު ނާޝިދާ) ފަރާތުން ޢައްޔަންކޮށްފައިވާ ވަކީލް ކޯޓަށް ހާޟިރުވެފައި ނުވެއެވެ.

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ކުރެވުނު އިސްތިއުނާފު

7ދިވެހިރާއްޖޭގެ ހައިކޯޓުން މައްސަލަ ބާޠިލްކުރަން ނިންމި ނިންމުން ޤާނޫނާ ޚިލާފުކަމަށް ބުނެ ޢާއިޝަތު ނާޝިދާގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް އިސްތިއުނާފު ކުރަމުން ބުނެފައި ވަނީ، ދިވެހިރާއްޖޭގެ ހައިކޯޓުން އިސްތިއުނާފީ މައްސަލަ ބޭރުކޮށްލާފައިވާ ހަމައެކަނި ސަބަބަކީ އިސްތިއުނާފު ކުރާ ފަރާތުން އިޖުރާޢީ އިޢުތިރާޟަށް ޖަވާބުދީފައި ނުވާ ސަބަބު އެކަނިކަން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނިންމުމަށް ބެލުމުން އެނގޭއިރު، ދިވެހިރާއްޖޭގެ ހައިކޯޓުގެ ގަވާއިދުގެ ދަށުން އިސްތިއުނާފު ބާޠިލްކުރަންޖެހޭ ފަދަ ޙާލަތެއް ކަމަށް ބަޔާންކުރުމަށްފަހު، އިޖުރާޢީ ނިންމުން ނިންމާފައި ވަނީ މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 287 ވަނަ މާއްދާ އާ ދިވެހިރާއްޖޭގެ ހައިކޯޓުގެ ގަވާއިދާ ޚިލާފަށް ކަމުގައެވެ.

8މި އިސްތިއުނާފީ މައްސަލައިގެ ޖަވާބު ފޯމު ހުށަހެޅުމަށް ޙަސަން ޞަލާޙް އަށް އެންގުމުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މަދަނީ އިޖުރާއަތުގެ ގަވާއިދުގެ 34 ވަނަ މާއްދާގެ (ހ) އަށާއި، މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 287 ވަނަ މާއްދާގެ (ހ) ގެ (2) ގެ (i) އާ ޙަވާލާދީ، އިސްތިއުނާފު މައްސަލަ އާ ގުޅިގެން ފިޔަވަޅު އަޅައިދިނުމަށް އެދޭ ފޯމު މެދުވެރިކޮށް، މި މައްސަލަ އަކީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް އިސްތިއުނާފު ކުރުމުގެ މުއްދަތުގެ ތެރޭގައި ހުށަހަޅާފައިވާ މައްސަލައަކަށް ނުވާތީ، މި މައްސަލަ ބާޠިލްކޮށް ދިނުމަށް ހުށަހަޅާފައި ވެއެވެ.

9ޙަސަން ޞަލާޙްގެ ފަރާތުން އިސްތިއުނާފު މައްސަލަ އާ ގުޅިގެން ފިޔަވަޅު އަޅައިދިނުމަށް އެދޭ ފޯމު ހުށަހެޅުމާ ގުޅިގެން ލިޔުމުން ޖަވާބުދާރީވުމަށްޓަކައި ޢާއިޝަތު ނާޝިދާ އަށް ފުރުސަތު ދެވުނެވެ. ޢާއިޝަތު ނާޝިދާގެ ފަރާތުން ހުށަހަޅާފައިވާ ޖަވާބުގައި ބުނެފައި ވަނީ މި މައްސަލަ އިސްތިއުނާފު ކުރުމަށް ހުށަހަޅާފައި ވަނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނިންމާފައިވާ ނިންމެވުންތަކުގައި ކަނޑައަޅާފައިވާ އުޞޫލުތަކުން އިސްތިޤުރާރުވެފައިވާ މުއްދަތުގެ ތެރޭގައި ކަމުގައެވެ.

10HN1HN2HN3HN4އިސްތިއުނާފު މައްސަލަ އާ ގުޅިގެން ފިޔަވަޅު އަޅައިދިނުމަށް އެދި ޙަސަން ޞަލާޙްގެ ފަރާތުން ފާހަގަކުރި ކަންތައްތަކާއި އޭގެ ޖަވާބުގައި ޢާއިޝަތު ނާޝިދާގެ ފަރާތުން ފާހަގަކޮށްފައިވާ ކަންތައްތަކުގެ މައްޗަށް ބަލައި އަންނަނިވި ކަންކަން ފާހަގަކުރެވިފައި ވެއެވެ.

ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2022/HC-A/476 ޤަޟިއްޔާގެ ނިންމުން ނިންމާފައި ވަނީ 26 ޖަނަވަރީ 2023 ގައެވެ.

ޢާއިޝަތު ނާޝިދާގެ ފަރާތުން 01 ފެބުރުވަރީ 2023 ގައި ދިވެހިރާއްޖޭގެ ހައިކޯޓުގެ ޤަޟިއްޔާ ނިމުނުގޮތުގެ ރިޕޯޓު ހޯދުމަށް އެދިފައިވެއެވެ. އަދި ދިވެހިރާއްޖޭގެ ހައިކޯޓުގެ ރިޕޯޓު ދޫކޮށްފައި ވަނީ 01 މާރިޗު 2023 ގައެވެ. މި ދުވަހުން ފެށިގެން އިސްތިއުނާފު ކުރުމަށް ހުށަހަޅަންޖެހޭ މުއްދަތު (މުއްދަތު ގުނުމުގައި ޢަމަލުކުރާ އުޞޫލުން ރިޕޯޓު ލިބުނު ތާރީޚާއި މުއްދަތު ހަމަވާ ތާރީޚް ނުހިމަނައި) ހަމަވާ ތާރީޚަކީ 02 އެޕްރީލް 2023 އެވެ.

ދިވެހިރާއްޖޭގެ ހައިކޯޓުގެ ޤަޟިއްޔާ ނިމުނުގޮތުގެ ރިޕޯޓު ލިބުމުން ޢާއިޝަތު ނާޝިދާގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް އެ މައްސަލަ އިސްތިއުނާފު ކުރުމަށް ހުށަހަޅާފައި ވަނީ 03 އެޕްރީލް 2023 ގައެވެ.

މަދަނީ އިޖުރާއަތު ޤާނޫނުގެ ސައްބީސްވަނަ ބާބުގައި މަދަނީ މައްސަލަތައް މަތީ މަރުޙަލާގެ ކޯޓުތަކުގައި އިސްތިއުނާފު ކުރާނެ ގޮތުގެ އިޖުރާއަތުތައް ބަޔާންކޮށްފައި ވެއެވެ. އެގޮތުން މި ޤާނޫނުގެ 284 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރަނީ، ސުޕްރީމް ކޯޓަށް މައްސަލައެއް އިސްތިއުނާފު ކުރުމަށް ހުށަހެޅޭނީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނިންމުމެއް ނިންމާތާ 30 (ތިރީސް) ދުވަހުގެ ތެރޭގައެވެ. އަދި މި މާއްދާގެ (ށ) ގައި ބަޔާންކުރަނީ؛

"މި މާއްދާގެ (ހ) ގައި އެހެން އޮތްނަމަވެސް، އެ މުއްދަތުގެ ތެރޭގައި ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ހަވާލުކޮށްފައިނުވާނަމަ، އިސްތިއުނާފުކުރުމުގެ މުއްދަތު ގުނަން ފަށާނީ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ޙަވާލުކުރާ ތާރީޚުން ފެށިގެންނެވެ."

މިފަދައިންނެވެ.

މަދަނީ އިޖުރާއަތު ޤާނޫނުގެ 285 ވަނަ މާއްދާގެ (ރ) ގައި ބަޔާންކުރަނީ އިސްތިއުނާފު ހުށަހަޅަން ވާނީ އެ ބާބުގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި ކަމަށެވެ.

މަދަނީ އިޖުރާއަތު ޤާނޫނުގެ 285 ވަނަ މާއްދާ އާ ޚިލާފަށް އިސްތިއުނާފު ހުށަހަޅާފައިވާނަމަ އެ ޤާނޫނުގެ 287 ވަނަ މާއްދާގެ (ހ) ގެ (2) ގެ (i) ގެ ދަށުން އެ އިސްތިއުނާފު ބާޠިލްކޮށްދިނުމަށް އެދުމުގެ ޙައްޤު އިސްތިއުނާފު ރައްދުވާ ފަރާތަށް ލިބިގެން ވެއެވެ. މި ޙާލަތުގައި އިސްތިއުނާފު ބާޠިލްކޮށް ދިނުމަށް އެދި ހުށަހަޅާނީ އިސްތިއުނާފު ކުރާ މުއްދަތުގެ މައްޗަށް ބިނާކޮށެވެ.

އިސްތިއުނާފު ކުރުމަށް ކަނޑައަޅާފައިވާ މުއްދަތު ހަމަވާއިރު، އެ މައްސަލައެއް އިސްތިއުނާފު ކުރެވިފައި ނުވަނީ އަމިއްލަ ބާރު ނުފޯރެވޭ ފަދަ ސަބަބެއް މެދުވެރިވެގެންނަމަ އަދި އެކަން އިސްތިއުނާފު ކުރާ ފަރާތުން ސާބިތުކޮށްދީފިނަމަ، އެ ޙާލަތްތަކުގައި އިސްތިއުނާފު ކުރުމުގެ ލުއިތަކެއް ދެވިދާނެއެވެ.

އެހެންނަމަވެސް، އިސްތިއުނާފު ކުރުމުގެ މުއްދަތުގެ ތެރޭގައި މި މައްސަލަ އިސްތިއުނާފު ކުރުމަށް ހުށަނޭޅުނު މަގުބޫލު ސަބަބެއް އިސްތިއުނާފު ކުރާ ޢާއިޝަތު ނާޝިދާގެ ފަރާތުން ދެއްކިފައެއް ނުވެއެވެ. އަދި ހަމަ އެހެންމެ އިސްތިއުނާފު ކުރާ ފަރާތުން ދައްކާފައިވާ ހަމައެކަނި ޙުއްޖަތަކީ އިސްތިއުނާފު ކުރުމުގެ މުއްދަތު ހިސާބުކުރަންޖެހޭނީ މައްސަލަ ނިންމި ދުވަހުން ފެށިގެން ނޫން ކަމާއި، އެ މުއްދަތު ގުނަން ޖެހޭނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނިންމުންތަކުން ކަނޑައަޅާފައިވާ ފަދައިން ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ލިބޭތާ 30 (ތިރީސް) ދުވަހުގެ ތެރޭގައި ކަމަށާއި، އެ މުއްދަތުގައި ހުށަހެޅުމުން އިސްތިއުނާފު ކުރުމުގެ ހުއްދަ ދޭންޖެހޭނެ ކަމުގައެވެ.

އިސްތިއުނާފު ކުރާ ފަރާތުން މަދަނީ އިޖުރާއަތު ޤާނޫނަށް ހަވާލާ ދިނުމެއް ނެތި، އެ ޤާނޫނަށް ޢަމަލުކުރަން ފެށުމުގެ ކުރިން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނިންމާފައިވާ މައްސަލަތަކަށް ހަވާލާދީ ސިޓީއެއް ހުށަހެޅުމުގެ ބޭރުން، މަދަނީ އިޖުރާއަތު ޤާނޫނުގެ 284 ވަނަ މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ އިތުރު ސަބަބެއް ހުށަހަޅާފައި ނުވެއެވެ. އަދި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މިކަމާ ގުޅޭގޮތުން ބޭއްވުނު ޝަރީޢަތުގެ މަޖިލީހުގައި، މި މައްސަލަ އިސްތިއުނާފީ މުއްދަތު ތެރޭގައި ހުށަހަޅާފައިވޭތޯ ޢާއިޝަތު ނާޝިދާ ތަމްސީލު ކުރާ ވަކީލާ ސުވާލުކުރުމުން މި މައްސަލަ އިސްތިއުނާފީ މުއްދަތުގެ ތެރޭގައި، ހުށަހަޅާފައިވާ ކަން އެނގޭނެ އެއްވެސް ދަލީލެއް ދައްކާފައި ނުވެއެވެ. އަދި އެކަން ސާބިތުކުރުމަށް ފަހުންވެސް އިތުރު ލިޔުމެއް އޮތްނަމަ ހުށަހެޅުމަށް ފުރުސަތު ދިނުމުން އެ ފުރަސަތުވެސް ބޭނުން ހިފާފައި ނުވެއެވެ.

11ވުމާއެކު، 26 ޖަނަވަރީ 2023 ގައި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2022/HC-A/476 ޤަޟިއްޔާ އެ ކޯޓުން ނިންމާ، އެ ނިންމުމުގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓު 01 މާރިޗު 2023 ގައި ޢާއިޝަތު ނާޝިދާ އަށް ދޫކޮށްފައި ވާކަން ހުށަހެޅިފައިވާ ލިޔެކިޔުންތަކުން އެނގެން އޮތްއިރު، ޢާއިޝަތު ނާޝިދާގެ ފަރާތުން މި މައްސަލަ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް އިސްތިއުނާފު ކޮށްފައި ވަނީ 03 އެޕްރީލް 2023 ގައި (އީމެއިލްގެ ޒަރިއްޔާ އިން މެންދުރު 12:57) ކަމަށް ވެފައި، މި މައްސަލަ އިސްތިއުނާފު ކުރެވިފައި ވަނީ، މަދަނީ އިޖުރާއަތު ޤާނޫނުގެ 284 ވަނަ މާއްދާ އާ ޚިލާފަށް، އިސްތިއުނާފީ މުއްދަތު ފަހަނަޅައި ދިއުމަށްފަހު ކަމުގައިވާތީ، އިސްތިއުނާފު ރައްދުވާ ޙަސަން ޞަލާޙްގެ ފަރާތުން އެދިފައިވާ ގޮތަށް މި މައްސަލަ އަކީ ބާޠިލްކުރަންޖެހޭ މައްސަލައެއް ކަމުގައި ދެކެމެވެ.

ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ ރައުޔު

12މި މައްސަލައިގައި ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔު

13މި މައްސަލައިގައި ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

ނިންމުން

އިސްވެ ފާހަގަކުރެވުނު ސަބަބުތައް އެގޮތަށް ހުރުމާއެކު، ހ. އެމް.އެން ވިލާ، ޢާއިޝަތު ނާޝިދާގެ ފަރާތުން އިސްތިއުނާފު ކުރުމަށް ހުށަހަޅާފައި މި މައްސަލަ އަކީ މަދަނީ އިޖުރާއަތު ޤާނޫނުގެ 284 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނިންމުމެއް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް އިސްތިއުނާފު ކުރުމަށް އޮންނަ 30 (ތިރީސް) ދުވަހުގެ މުއްދަތު ހަމަވުމަށްފަހު ހުށަހަޅާފައިވާ މައްސަލައެއް ކަމަށް ނިންމައި، މި މައްސަލައިގެ އިސްތިއުނާފު ފޯމު ބާޠިލްކުރުމަށް މި މައްސަލަ ބެލި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އިއްތިފާގުން ކަނޑައަޅައިފީމެވެ.

މި ނިންމުން ނިންމާފައި ވަނީ:

އަޒްމިރާލްދާ ޒާހިރުމުޙައްމަދު އިބްރާހީމްޢާއިޝާ ޝުޖޫން މުޙައްމަދު(ރިޔާސަތު)

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް

  • ޤާނޫނު ނަންބަރު 32/2020 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާގެ (ހ) އަދި (ށ)
  • ޤާނޫނު ނަންބަރު 32/2020 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާގެ (ރ)
  • ޤާނޫނު ނަންބަރު 32/2020 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 285 ވަނަ މާއްދާގެ (ރ)
  • ޤާނޫނު ނަންބަރު 32/2020 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 287 ވަނަ މާއްދާގެ (ހ) ގެ (2) ގެ (i)
  • ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މަދަނީ އިޖުރާއަތުގެ ގަވާއިދުގެ 34 ވަނަ މާއްދާގެ (ހ)
  • ދިވެހިރާއްޖޭގެ ހައިކޯޓުގެ ގަވާއިދު

ޝަރީޢަތުގެ ވީޑިއޯ

ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.

ޝެއަރ ކުރައްވާ