ދިވެހިރާއްޖޭގެ މަތީ މަރުޙަލާގެ ކޯޓުތަކުން ކަނޑައަޅާފައިވާ ޤާނޫނީ އުޞޫލުތައް

Maldives Legal Precedents

Saeed Lex
[2023] SC 55 · 2022/SC-A/101ސުޕްރީމް ކޯޓު · 29 ނޮވެމްބަރު 2023

ޙާމިދު ފާއިޒް ވ. ނިޔަދުރު ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑް

ސުޕްރީމް ކޯޓު
ފަހުގެ ޙުކުމެއްގައި ޙަވާލާދީފައެއް ނުފެނޭޙުކުމުގެ ހާލަތު
ސުޕްރީމް ކޯޓު · 29 ނޮވެމްބަރު 2023ބާވަތް: މަދަނީ

ޚުލާޞާ

ޚުލާޞާ ނެތް.

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
—
ފަހުގެ ތާރީޚު
—

ނިންމުން

—

ކޯ ޓާމްސް

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

މި ލިޔުމުން އުޞޫލެއް ނުނެގުނު.

ފަނޑިޔާރުން

ބެންޗު
—
ޚިލާފު ރައުޔު
ނެތް

ޝަރީޢަތުގެ ވީޑިއޯ

ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.

 ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު [2023] SC 55 2022/SC-A/101 ޝަރީޢަތް ނިމުނުގޮތް ޙާމިދު ފާއިޒް ވ. ނިޔަދުރު ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑް ފަނޑިޔާރުންގެ މަޖިލިސް ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމް ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދު ފަނޑިޔާރު ޙުސްނުއްސުޢޫދު

ނިމުނު ތާރީޚު 29 ނޮވެންބަރު 2023

އިސްތިއުނާފު ކުރެވުނު ޤަޟިއްޔާ 2019/HC-A/446

އިސްތިއުނާފު ރައްދުވާ ފަރާތް އިސްތިއުނާފުކުރާ ފަރާތް ނިޔަދުރު ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑް ޙާމިދު ފާއިޒް، ގ. ޗަމަން، މާލެ ޤާނޫނީ ވަކީލު:

އަޙްމަދު ޝަފީޤް،

ޝަފީޤް އެންޑް މަސްތޫރު އެލް.އެލް.ޕީ ޤާނޫނީ ވަކީލު:

މަޖީދު ޢަލީ،

އަޝްރަފް އެންޑް ކޯ ދަ ލޯހައުސް ނަދީމް އިބްރާހީމް،

ޝަފީޤް އެންޑް މަސްތޫރު އެލް.އެލް.ޕީ

މަދަނީ – ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 16 ވަނަ މާއްދާ – ދިވެހިރާއްޖޭގެ ހައިކޯޓުގެ ޙުކުމް އިސްތިއުނާފު ކުރެވޭނެ ޙާލަތްތައް

ފިހުރިސްތު

ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްގެ ރައުޔު 1

ތަޢާރުފު 1

މައްސަލައިގައި ކަން ހިނގާފައިވާ ގޮތް 2

ސިވިލް ކޯޓުގެ ނިންމުން 3

ދިވެހިރާއްޖޭގެ ހައިކޯޓުގެ ނިންމުން 5

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރި ނުކުތާތައް 7

އިސްތިއުނާފީ ނުކުތާތަކުގެ ޚުލާޞާ 8

އިސްތިއުނާފީ އޮޅިގަނޑު 9

މައްސަލަ ނިންމަން ފެންނަ ގޮތް 12

ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔު 13

ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރައުޔު 13

ޙުކުމް 13

` ޙާމިދު ފާއިޒް ވ. ނިޔަދުރު ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑް [2023] SC 55 ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްގެ ރައުޔު (ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދު އަދި ފަނޑިޔާރު ޙުސްނުއްސުޢޫދު ތާއީދު ކުރައްވާފައި) ތަޢާރުފު

1. ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2019/HC-A/446 ޤަޟިއްޔާ ނިންމާފައިވަނީ ޤާނޫނާ އެއްގޮތަށް ނޫން ކަމަށް ދެކި އެ ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް ގ. ޗަމަން، ޙާމިދު ފާއިޒް1 (މީގެ ފަހުން ޙާމިދު ފާއިޒް ނުވަތަ އިސްތިއުނާފު ކުރާ ފަރާތް މިހެން އިޝާރާތް ކޮށްފައިވާ) ގެ ފަރާތުން، ނިޔަދުރު ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑް2 (މީގެ ފަހުން ނިޔަދުރު ހޯލްޑިންގްސް ނުވަތަ އިސްތިއުނާފު ރައްދުވާ ފަރާތް) ގެ މައްޗަށް ރައްދުވާ ގޮތަށް، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އެ ޤަޟިއްޔާ އިސްތިއުނާފު ކުރިއެވެ. މި މައްސަލަ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ބަލާފައިވަނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2022/SC-A/101 ޤަޟިއްޔާ އިންނެވެ.

2. މި ދެ ފަރާތުގެ އޮތް ޚުޞޫމަތު ބިނާވެފައިވަނީ ކުލީގެ އެއްބަސްވުމެއްގެ މައްޗަށެވެ. ނިޔަދުރު ހޯލްޑިންގްސްގެ ފަރާތުން ޙާމިދު ފާއިޒްއަށް ކުއްޔަށްދިން ތަނެއްގެ ކުލި ހޯދުމަށް ޙާމިދު ފާއިޒްގެ މައްޗަށް ދައުވާކުރުމުން، އެ ފަރާތުން ކުލި ނުދެއްކުމަށް ކުރިމަތިކުރާ ދަފުޢަކީ، އެއްބަސްވެފައިވާ ގޮތަށް ނިޔަދުރު ހޯލްޑިންގްސްގެ ފަރާތުން ތަން ޙަވާލުނުކުރުމެވެ. އެހެންކަމުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ކުރި މައްޗަށް ޙާމިދު ފާއިޒްގެ ފަރާތުން ހުށަހެޅި އިސްތިއުނާފު ވެސް ބިނާކޮށްފައިވަނީ މިކަމުގެ މައްޗަށެވެ.

މައްސަލައިގައި ކަން ހިނގާފައިވާ ގޮތް

3. 14 މާރިޗު 2018 ގައި ގ. މަލްވިނަ، ގްރައުންޑް އަދި ފަސްޓް ފްލޯ ކުއްޔަށް ދިނުމަށް ނިޔަދުރު ހޯލްޑިންގްސް އާއި ޙާމިދު ފާއިޒް އާ ދެމެދު އެއްބަސްވުމެއްގައި ("އެއްބަސްވުން") ސޮއިކުރިއެވެ.3

4. މި އެއްބަސްވުމުގެ މުއްދަތަކީ 01 މޭ 2018 އިން ފެށިގެން 31 މާރިޗު 2033 ނިޔަލަށް މީލާދީ 15 އަހަރެވެ. އަދި މި އެއްބަސްވުމުގެ 5 ވަނަ މާއްދާގެ ދަށުން ކުއްޔަށްދޭ ތަނުގެ ކުއްޔަކީ މީލާދީ ކޮންމެ މަހަކަށް 80,000/-ރ. (އަށްޑިހަ ހާސް ރުފިޔާ) ކަމަށް ބަޔާންކޮށްފައި ވެއެވެ.

5. އެއްބަސްވުމުގެ 3 ވަނަ މާއްދާ އާއި 4 ވަނަ މާއްދާގައިވާ ގޮތުގެމަތިން ތަން ޙަވާލުކުރެވޭއިރު، ތަނުގައި ކުލައާއި ދަވާދުލެވި، ކަރަންޓާއި ފެން ލިބެންހުރުމާއި، ޢިމާރާތް ބޭނުންކުރުމުގެ ހުއްދަ ލިބިފައި އޮންނަންޖެހޭނެ ކަމަށް ބަޔާންކޮށްފައި ވެއެވެ. އަދި ތަން ޙަވާލުކުރަންޖެހޭ މުއްދަތަކީ އެއްބަސްވުމަށް ޢަމަލުކުރަން ފަށާ ތާރީޚު ކަމަށްވާ 01 މޭ 2018 ކަން އެނގެއެވެ. ނަމަވެސް މި މުއްދަތުގައި، ތަން ޙަވާލު ނުކުރެވިއްޖެނަމަ، ތަނުގެ ކުލި އާއި އެއްބަސްވުމުގެ މުއްދަތު ހިނގަން ފަށާނީ، ތަން ޙަވާލުކުރެވޭ ތާރީޚުން ފެށިގެންނެވެ. އަދި ތަން ޙަވާލުކުރެވުނު ކަމަށް ބަލާނީ، ޢިމާރާތުގެ ތަޅުދަނޑި އާއި ތަން ޙަވާލުކުރިކަމުގެ ލިޔުމާއެކު ތަނުގެ އިންވެންޓްރީގައި ދެ ފަރާތުން ސޮއިކުރުމުން ކަމަށް ބަޔާންކޮށްފައި ވެއެވެ.4

6. އެއްބަސްވުމާ އެއްގޮތަށް ދައްކަންޖެހޭ ކުލި ޙާމިދު ފާއިޒް ނުދައްކާތީ އެކަމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ނިޔަދުރު ހޯލްޑިންގްސްއަށް ލިބެމުންދާ ކަމަށް ބުނެ، އެއްބަސްވުމުގެ 8 ވަނަ މާއްދާގެ (ހ) ގެ ދަށުން އެއްބަސްވުން ބާޠިލުކޮށް 01 (އެކެއް) މަސް ދުވަހުގެ ތެރޭގައި ތަން ހުސްކުރުމަށް ނިޔަދުރު ހޯލްޑިންގްސްގެ ފަރާތުން 19 ނޮވެންބަރު 2018 ގައި ޙާމިދު ފާއިޒްއަށް އެންގިއެވެ.5

7. އެ ނޯޓިސް އާ އެއްގޮތަށް ޙާމިދު ފާއިޒްގެ ފަރާތުން ޢަމަލުކޮށްފައި ނުވާތީ، ތަން ޙަވާލުކުރުމަށް އަމުރުކޮށް ދިނުމަށާއި ކުލި އާއި ކުލި ނުދައްކާތީ އަރަމުންދާ ޖޫރިމަނާ ހޯދުމަށް އެދި ޙާމިދު ފާއިޒްގެ މައްޗަށް ރައްދުވާ ގޮތަށް ނިޔަދުރު ހޯލްޑިންގްސްގެ ފަރާތުން 30 ޖަނަވަރީ 2019 ގައި ސިވިލް ކޯޓުގައި ދައުވާކުރި އެވެ.

ސިވިލް ކޯޓުގެ ނިންމުން

8. ނިޔަދުރު ހޯލްޑިންގްސްގެ ފަރާތުން ސިވިލް ކޯޓުގައި ދައުވާ އުފުލުމުން މި މައްސަލަ ބަލާފައިވަނީ އެ ކޯޓުގެ ނަންބަރު 663/Cv-C/2019 ޤަޟިއްޔާ އިންނެވެ.

9. މި މައްސަލައިގައި ޙުކުމްކޮށްފައިވަނީ 01 އޮގަސްޓު 2018 އިން ފެށިގެން ޙާމިދު ފާއިޒްގެ ފަރާތުން ތަން ބޭނުން ކުރަމުންދާކަން އެނގެން އޮންނަ ކަމާއި، އެއްބަސްވުމާއި އެއްގޮތަށް ދައްކަންޖެހޭ ކުލި ޙާމިދު ފާއިޒްގެ ފަރާތުން ދައްކަމުން ނުދާކަން ދެ ފަރާތުގެ ބަހުން ޝަރީޢަތަށް ސާބިތުވާ ކަމަށް ކަނޑައަޅައެވެ. ނަތީޖާއެއްގެ ގޮތުން، 01 އޮގަސްޓު 2018 އިން ފެށިގެން 04 އޮގަސްޓު 2019 ގެ ނިޔަލަށް ތަނުގެ ކުލީގެ ގޮތުގައި އަރާފައިވާ ފައިސާއިން އެޑްވާންސް ކުލީގެ ގޮތުގައި ދައްކާފައިވާ ފައިސާ ކަނޑައި ބާކީ ދައްކަންޖެހި ނުދައްކާވާ 730,322.58ރ. (ހަތްލައްކަ ތިރީސްހާސް ތިންސަތޭކަ ބާވީސް ރުފިޔާ ފަންސާސް އަށްލާރި) އާއި، 11 އޮގަސްޓު 2018 އިން ފެށިގެން 04 އޮގަސްޓު 2019 ގެ ނިޔަލަށް ހިނގާފައިވާ 359 (ތިންސަތޭކަ ފަންސާސް ނުވައެއް) ދުވަހުގެ ޖޫރިމަނާގެ ގޮތުގައި ދުވާލަކަށް 200/-ރ. (ދުއިސައްތަ ރުފިޔާ) ގެ ރޭޓުން ދައްކަންޖެހޭ

71,800/-ރ. (ހަތްދިހަ އެއްހާސް އަށްސަތޭކަ ރުފިޔާ) އާއެކު ޖުމްލަ 802,122.58ރ. (އަށްލައްކަ ދެހާސް އެއްސަތޭކަ ބާވީސް ރުފިޔާ ފަންސާސް އަށްލާރި) އަކީ ޙާމިދު ފާއިޒްގެ ފަރާތުން ނިޔަދުރު ހޯލްޑިންގްސް އަށް ދައްކަންޖެހޭ ފައިސާކަން ޝަރީޢަތަށް ސާބިތުވާ ކަމަށް ކަނޑައަޅައި،

6 އޮގަސްޓު 2019 އިން ފެށިގެން 01 (އެކެއް) މަސްދުވަހުގެ މުއްދަތުގައި ގ. މަލްވިނަ އެވެކިޔާ ގޯތީގެ ގްރައުންޑް ފްލޯރ އާއި ފަސްޓް ފްލޯރ، ޙާމިދު ފާއިޒްގެ ފަރާތުން ބަހައްޓާފައިވާ މުދަލާއި، ތިބިނަމަ ތިބި ބަޔަކާއެކު ނެރެ ތަން ހުސްކޮށް ނިޔަދުރު ހޯލްޑިންގްސްއަށް ޙަވާލުކުރުމަށް އަންގައެވެ.

10. ބަޔާންވެދިޔަ ގޮތަށް މި މައްސަލައިގައި ޙުކުމް ކުރުމުގައި އަންނަނިވި ކަންކަމުގެ މައްޗަށް ސިވިލް ކޯޓުން ރިޢާޔަތްކޮށްފައި ވާކަން އެނގެއެވެ.

(ހ) ފުރަތަމަ ކަމަކީ، 01 އޮގަސްޓު 2018 ގައި ޙާމިދު ފާއިޒްގެ ފަރާތުން ކުއްޔަށް ނަގާފައިވާ ތަނަށް މުދާ ވައްދައި ތަން ބޭނުންކުރަމުންދާ ކަމަށް އޭނާ އިންކާރުކޮށްފައި ނުވާކަން.

(ށ) ދެވަނަ ކަމަކީ، ކުއްޔަށް ދޫކުރެވުނު ތަންކަމުގައިވާ ގ. މަލްވިނަ ގްރައުންޑް ފްލޯރ 31 ޖުލައި 2018 ގައި އަދި އޭގެ ކުރިން 19 ޖޫން 2018 ގައި ގ. މަލްވިނަ ފަސްޓް ފްލޯރ ޙާމިދް ފާއިޒް އާ ޙަވާލުކޮށްފައިވާކަން އެނގޭ ކަމާއި، އަދި 1 އޮގަސްޓު 2018 ގައި ޙާމިދު ފާއިޒްގެ ފަރާތުން މުދާ ވައްދައި ތަން ބޭނުންކުރަމުން ދިޔަކަން އެނގޭ ހިނދު، އަދި އެ މުއްދަތުގައި ތަނުގައި ކަރަންޓާއި ފެން ލިބެން ހުރިކަން ލިޔެކިޔުމުން ފެންނަން ހުރިކަމާއި، ވިޔަފާރި ކުރުމަށް ބޭނުންވާ ވަޞީލަތެއް ނުވަތަ ހުއްދައެއް ހޯދުމަށް ނިޔަދުރު ހޯލްޑިންގްސް އިން ޙާމިދު ފާއިޒްއަށް ހުރަހެއް އަޅާފައިވާކަން ނޭނގޭ ހިނދު، އެއްބަސްވުމުގެ 3 ވަނަ މާއްދާ އާއި 4 ވަނަ މާއްދާގައިވާ އުޞޫލުން ތަން ޙަވާލުކޮށްފައި ނުވާކަމަށް ޙާމިދު ފާއިޒްގެ ފަރާތުން ބުނިކަމުގައި ވިޔަސް، އެކަމުގެ ޒާތަށް ބަލައި، އެއީ އޭނާގެ ފަރާތުން ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 20 ވަނަ މާއްދާގެ (ހ) ގެ ދަށުން ދީފައިވާ ދުލެއް ކަމަށް ދެކޭކަން.

(ނ) ތިންވަނަ ކަމަކީ، 01 އޮގަސްޓު 2018 އިން ފެށިގެން 04 އޮގަސްޓު 2019 ގެ ނިޔަލަށް ތަނުގެ ކުލީގެ ގޮތުގައި އެޑްވާންސް ކުލީގެ ފައިސާ ކަނޑައި ބާކީ ދައްކަންޖެހި ނުދައްކާވާ 730,322.58ރ. (ހަތްލައްކަ ތިރީސްހާސް ތިންސަތޭކަ ބާވީސްރުފިޔާ ފަންސާސް އަށްލާރި) އަކީ ޙާމިދު ފާއިޒްގެ ފަރާތުން ނިޔަދުރު ހޯލްޑިންގްސްއަށް ކުލީގެ ގޮތުގައި ދައްކަންޖެހޭ ފައިސާކަން އެއްބަސްވުމުގެ 5 ވަނަ މާއްދާ އާއި 9 ވަނަ މާއްދާއިން އެނގެން އޮންނަކަން.

(ރ) ހަތަރުވަނަ ކަމަކީ، އެއްބަސްވުމާ އެއްގޮތަށް ޙާމިދު ފާއިޒްގެ ފަރާތުން ތަނުގެ ކުލި ދައްކާފައި ނުވާތީވެ 11 އޮގަސްޓު 2018 އިން ފެށިގެން 04 އޮގަސްޓު 2019 ގެ ނިޔަލަށް ހިނގާފައިވާ 359 (ތިންސަތޭކަ ފަންސާސް ނުވައެއް) ދުވަހުގެ ޖޫރިމަނާގެ ގޮތުގައި ދުވާލަކަށް 200/-ރ. (ދުއިސައްތަ ރުފިޔާ) ގެ ރޭޓުން ދައްކަންޖެހޭ 71,800/-ރ. (ހަތްދިހައެއްހާސް އަށްސަތޭކަ ރުފިޔާ) އަކީ ޙާމިދު ފާއިޒްގެ ފަރާތުން ނިޔަދުރު ހޯލްޑިންގްސްއަށް އެއްބަސްވުމުގެ 5 ވަނަ މާއްދާގެ (ހ) ގެ ދަށުން ދައްކަންޖެހޭ ފައިސާ އެއްކަން އެނގެން އޮންނަކަން.

(ބ) ފަސްވަނަ ކަމަކީ، އެއްބަސްވުމާ އެއްގޮތަށް ދައްކަންޖެހޭ ކުލި ދައްކަމުން ގޮސްފައިނުވާތީ އެއްބަސްވުމުގެ 8 ވަނަ މާއްދާގެ ދަށުން އެއްބަސްވުން ބާޠިލުކޮށް ތަން ހުސްކުރުމަށްފަހު އަނބުރާ އެ ތަން ނިޔަދުރު ހޯލްޑިންގްސް އާ ޙަވާލުކުރަންޖެހޭ ޙާލަތުގައި ވާކަން ދެފަރާތުގެ ވާހަކަ ތަކުންނާއި ހުށަހެޅިފައިވާ ލިޔެކިޔުންތަކުން އެނގެން އޮންނަކަން.

(ޅ) ހަވަނަ ކަމަކީ، ތަނުގެ ސެކިއުރިޓީ ޑިޕޮސިޓްގެ ގޮތުގައި ދައްކާފައިވާ 80,000/-ރ. (އަށްޑިހަހާސް ރުފިޔާ) އަކީ ތަން ހުސްކޮށް އަނބުރާ ޙަވާލުކުރާއިރު އެއްބަސްވުމާ އެއްގޮތަށް ދައްކަންޖެހި ނުދައްކާ ފައިސާއެއްވާނަމަ، އެ ފައިސާ އުނިކުރުމަށްފަހު ބާކީވާ ފައިސާ އަކީ ނިޔަދުރު ހޯލްޑިންގްސްގެ ފަރާތުން ޙާމިދު ފާއިޒްއަށް ދޭންޖެހޭ ފައިސާއެއްކަން އެއްބަސްވުމުގެ 9 ވަނަ މާއްދާގެ (ށ) އިން އެނގެން އޮންނަކަން.

11. ސިވިލް ކޯޓުން މި މައްސަލަ ނިންމުމާ ގުޅިގެން ޙާމިދު ފާއިޒްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި މި މައްސަލަ އިސްތިއުނާފު ކުރެވުނެވެ.

ދިވެހިރާއްޖޭގެ ހައިކޯޓުގެ ނިންމުން

12. ސިވިލް ކޯޓުގެ ނިންމުން ޙާމިދު ފާއިޒްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން އެ ކޯޓުގެ ނަންބަރު 2019/HC-A/446 ޤަޟިއްޔާ އިން އެ މައްސަލަ ބެލިއެވެ. ދިވެހިރާއްޖޭގެ ހައިކޯޓުން އެ މައްސަލަ ނިންމާފައިވަނީ ސިވިލް ކޯޓުގެ ޤަޟިއްޔާ އިސްތިއުނާފު ކުރުމަށްޓަކައި ޙާމިދު ފާއިޒްގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކުގެ މައްޗަށް ބިނާކޮށް، އިސްތިއުނާފީ ދައުވާ ކުރިއަށް ގެންދާނެ ތަނެއް ނެތްކަމަށް ކަނޑައަޅައެވެ. ދިވެހިރާއްޖޭގެ ހައިކޯޓުން މިގޮތަށް ނިންމާފައިވަނީ އަންނަނިވި ސަބަބުތަކުގެ މައްޗަށް ރިޢާޔަތް ކޮށެވެ.

(ހ) ފުރަތަމަ ކަމަކީ، ޙާމިދު ފާއިޒްގެ ފަރާތުން ތަންބޭނުން ކުރަމުން ދިޔަކަމަށް އިޤްރާރުވެފައި ވުމާއެކު، ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 20 ވަނަ މާއްދާ އާ ޙަވާލާދީ ސިވިލް ކޯޓުން ފާހަގަ ކުރިކުރުން ޞައްޙަ ނޫން ކަމުގައި ބަލަންޖެހޭ ކަމަށް ޙާމިދު ފާއިޒް ބުނެ ފާހަގަ ކުރާ އިސްތިއުނާފީ ނުކުތާ އަކީ ޤާނޫނީ އެއްވެސް ޙުއްޖަތެއްގެ މައްޗަށް ބިނާވާ ނުކުތާ އެއްކަން އެނގެން ނެތްކަން.

(ށ) ދެވަނަ ކަމަކީ، ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ށ) ގައި ބުނެފައިވާ 03 (ތިނެއް) އުޞޫލުންކުރެ އުޞޫލަކާ ނުވަތަ އެ ތިން އުޞޫލާ ދަށު ކޯޓުގެ ނިންމުން ޚިލާފުވި ގޮތެއް ބަޔާންކޮށްދެވިފައި ނެތަތީ، ޤާނޫނީ ބަހުސެއް އުފެދޭ މިންވަރަށް އެ ނުކުތާގެ ތަފުޞީލު ބަޔާންކޮށްދެވިފައި ނުވާކަމާއި އަދި ދަށު ކޯޓުގެ ޙުކުމް ޢަދުލުވެރި ނޫންކަމަށް ދެކި ޙާމިދު ފާއިޒްގެ ފަރާތުން ފާހަގަ ކުރާ މައިގަނޑު ކަމަކީ، ދަށު ކޯޓުގައި އޭނާއަށް ހެކި ލިސްޓު ހުށަހެޅުމާއި އަދި ޚުލާސާ ބަޔާން އިއްވުމަށް ފުރުސަތު ލިބިފައި ނުވާކަން ކަމާއި އެ ކަމަކީ، އެއީ ޙަޤީޤަތެއް ކަމުގައި ބަހުސްގެ ބޭނުމަށްޓަކައި ބެލިކަމުގައި ވިޔަސް، ޙާމިދު ފާއިޒްގެ ފަރާތުން ތަން ބޭނުން ކުރަމުން ދިޔަކަން ދަށު ކޯޓުގައި އާއި އަދި ފަހުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިޤްރާރުވެ ޖަވާބުދާރީވެފައި ވާތީވެ، ދަށު ކޯޓުގެ ޙުކުމް ބާޠިލު ކުރަންޖެހޭ ސަބަބެއް އޮތްކަމަށް ނުދެކޭކަން.

13. ދިވެހިރާއްޖޭގެ ހައިކޯޓުގެ ނިންމުން ޙާމިދު ފާއިޒްގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް އިސްތިއުނާފު ކުރެވުނެވެ.

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރި ނުކުތާތައް

14. ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2019/HC-A/446 ޤަޟިއްޔާ ނިންމާފައިވަނީ ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ކަމަށް ބުނެ އެ ޤަޟިއްޔާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމަށްޓަކައި ޙާމިދު ފާއިޒްގެ ފަރާތުން 02 (ދޭއް) ނުކުތާ އެއް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހަޅާފައި ވެއެވެ.

(ހ) ފުރަތަމަ ނުކުތާ އަކީ، ގ. މަލްވިނަ ގްރައުންޑް ފްލޯރ އާއި ފަސްޓް ފްލޯރ އިސްތިއުނާފު ކުރާ ފަރާތުން ކުއްޔަށް ހިފީ، ތަނުގައި ޕްރިންޓްކުރުމުގެ ވިޔަފާރި އަކަށްކަން އިސްތިއުނާފު ރައްދުވާ ފަރާތުގެ އިޢުތިރާފުންވެސް އެކަން ކަށަވަރުވެފައި، އެ ވިޔަފާރިއާ ބެހޭ އެއްވެސް ކަމެއް ކުރުވޭނީ އެ ޢިމާރާތް ބޭނުންކުރުމުގެ ހުއްދަ އާއި ވިޔަފާރި ކުރުމަށް ބޭނުންވާ ހުއްދަތައް އެއްބަސްވުމުގެ 3 ވަނަ މާއްދާ އާއި 4 ވަނަ މާއްދާ ގައިވާ ގޮތުގެމަތިން ލިބިގެންކަން ނުހަނު ސާފުކޮށް އެނގެން އޮތުމުން ދައުވާލިބޭ ފަރާތުން ދުލެއްދީގެން ތަނާއި ޙަވާލުވެފައި ވާކަމަށް ޤާނޫނު ނަންބަރު 4/91 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 20 ވަނަ މާއްދާ އާ ޙަވާލާދީގެން ފާހަގަ ކުރިކުރުން ޞައްޙަ ނޫންކަން.

(ށ) ދެވަނަ ނުކުތާ އަކީ، ސުޕްރީމް ކޯޓުން ނިންމާފައިވާ އަޙްމަދު އިސްމާޢީލް ވ. ލަޠީފާ ޢަލީ ޙަސަން6 މައްސަލައިގައި، ޙުކުމަށް ވާސިލުވި ސަބަބުތައް ބަޔާންކުރުމަށް ނިޔާވެރިޔާއަށް އޮންނަ ޒިންމާ ކަމަށް ބަޔާންކޮށްފައިވާ ޒިންމާތައް އަދާކުރުމެއްނެތި، އަދި މަދަނީ މައްސަލަތަކުގައި ޢަމަލުކުރާ ޢާންމު އުސޫލުތަކާއި އަދި ޝަރީޢަތް ކުރުމުގެ ޢާންމު އިޖުރާޢަތަކީ ހުށަހެޅޭ މައްސަލައަކާ ގުޅިގެން އެ މައްސަލައިގެ ދައުވާއިން ދިފާޢުވުމަށް އެކަށީގެންވާ ފުރުސަތުދީ އަދި ދައުވާއިން ދިފާޢުވުމަށް ހެކި ހުށަހެޅުމަށް ފުރުސަތު ދިނުން ކަމުގައި ވީނަމަވެސް، މި މައްސަލައިގައި އިސްތިއުނާފު ކުރާ ފަރާތަށް އެފަދައިން އެއްވެސް ފުރުސަތެއް ދިނުމަކާ ނުލައި ޢަދުލު އިންސާފުގެ ހަމަތަކާއި އުޞޫލުތަކާ ޚިލާފަށް ސިވިލް ކޯޓުންނާއި ދިވެހިރާއްޖޭގެ ހައިކޯޓުން މައްސަލަ ނިންމާފައިވަނީ ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ށ) އާއި 142 އަދި 143 މާއްދާގެ (ރ) އާ ޚިލާފަށް ކަމުގައިވުން.

އިސްތިއުނާފީ ނުކުތާތަކުގެ ޚުލާޞާ

15. ބަޔާންވެދިޔަ އިސްތިއުނާފީ ނުކުތާތަކުގެ މައްޗަށް ބިނާކޮށް ޙާމިދު ފާއިޒްގެ ފަރާތުން އެދިފައިވަނީ ދިވެހިރާއްޖޭގެ ހައިކޯޓުން މި މައްސަލަ ނިންމާފައިވަނީ ޤާނޫނީ އުޞޫލުތަކާ އެއްގޮތަށް ނޫންކަމަށް ކަނޑައަޅައި، މި މައްސަލައިގައި ދެފަރާތުގެ ބަސް ހޯދާ އިންސާފުވެރި ޙުކުމެއް ކުރުމަށްޓަކައި މި މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓަށް ތަޙުވީލު ކުރުމަށެވެ.

16. އިސްތިއުނާފުގެ ޖަވާބުގައި ނިޔަދުރު ހޯލްޑިންގްސްގެ ފަރާތުން ޖުމްލަ ގޮތެއްގައި ބުނެފައިވަނީ، އިސްތިއުނާފު ކުރާ ފަރާތަށް ދިވެހިރާއްޖޭގެ ހައިކޯޓުން މި މައްސަލައިގައި އިސްތިއުނާފު ކުރި ނުކުތާތައް ޤާނޫނީ އުޞޫލުތަކާއި ޚިލާފުވި ސަބަބުތައް ބުނެދެވިފައި ނުވާ ކަމަށާއި ހަމައެކަނި އިސްތިއުނާފު ކުރާ ފަރާތުން ބުނާ ބުނުމުގެ މައްޗަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ޙުކުމް ބާޠިލުކުރެވިގެން ނުވާނެ ކަމަށެވެ.

17. ޙާމިދު ފާއިޒްގެ ފަރާތުން ހުށަހަޅާފައިވާ އިސްތިއުނާފި ނުކުތާތަކަށް ނަޒަރުކުރާއިރު، ހުށަހަޅާފައިވާ 02 (ދޭއް) އިސްތިއުނާފީ ނުކުތާ އަކީ ވެސް ދިވެހިރާއްޖޭގެ ހައިކޯޓަށް ޙާމިދު ފާއިޒްގެ ފަރާތުން ހުށަހެޅި މައިގަނޑު އިސްތިއުނާފީ ނުކުތާތައް ކަމާއި އެ ނުކުތާތަކުގެ މައްޗަށް ބިނާކޮށް އެ ކޯޓަށް ހުށަހެޅުނު އިސްތިއުނާފު ކުރިއަށް ގެންދާނެ ތަނެއް ނެތްކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައިވާކަން އެނގެއެވެ.

އިސްތިއުނާފީ އޮޅިގަނޑު

18. ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ7 16 ވަނަ މާއްދާގައި ދިވެހިރާއްޖޭގެ ހައިކޯޓުގެ ޙުކުމްތައް އިސްތިއުނާފު ކުރެވޭނެ ޙާލަތްތައް ވަނީ ސާފުކޮށް ބަޔާންކުރެވިފައެވެ. އެގޮތުން އިސްތިއުނާފު ކުރުމަށް ހުށަހަޅާފައިވާ ދިވެހިރާއްޖޭގެ ހައިކޯޓުގެ ޙުކުމް ޤާނޫނާ ޚިލާފުވިކަމަށް ބުނާ ސަބަބެއް އޮތުން ނުވަތަ ޤާނޫނު ތަޠުބީޤު ކުރުމުގައި ނުވަތަ މާނަ ކުރުމުގައި ކުށެއް ހެދިފައިވާ ކަމަށް ޤަބޫލުކުރެވޭ ސަބަބުތަކެއް އޮންނަން ވާނެ ކަމަށް ބަޔާންކޮށްފައި ވެއެވެ. ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 16 ވަނަ މާއްދާއަށް ބެލުމުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޙުކުމެއް މި މާއްދާގައި ބަޔާންކޮށްފައިވާ ޙާލަތްތައް ފިޔަވައި އިތުރު ޙާލަތެއްގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ނުކުރެވޭނެކަން އެނގެއެވެ. މި ހަމަ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މީގެ ކުރިން ނިންމާފައިވާ ޙުސައިން ޢަލީ ވ. މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް8 އާއި އަހްމެޓް އައިޑެނިޒް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ވ. ޑޮލްފިން ބޭސް ޕްރައިވެޓް ލިމިޓެޑް9 އާއި އިބްރާހީމް ޢަބްދުއްލަޠީފް ވ. އޯނަސް ޕްރައިވެޓް ލިމިޓެޑް10 އަދި ޙަސަން ސަޢީދު ވ. ދިވެހި ދައުލަތް (މޯލްޑިވްސް ޕޮލިސް ސަރވިސް)11 ފަދަ ޤަޟިއްޔާ ތަކުގައި ދަމަހައްޓާފައި ވެއެވެ.

19. މި އުޞޫލު ކުރިމަތީގައި މި އޮތް މައްސަލައަށް ތަޠުބީޤު ކުރާއިރު، ޙާމިދު ފާއިޒްގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ފުރަތަމަ އިސްތިއުނާފީ ނުކުތާއަށް ނަޒަރު ކުރާއިރު، އެ ނުކުތާ ބިނާކުރެވިފައިވަނީ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ތަން ޙަވާލުކުރެވިފައި ވޭތޯ ކުރެވޭ ބަހުސްގެ މައްޗަށެވެ. މި ނުކުތާގައި ދަށު ކޯޓުން ނިންމާފައިވަނީ 1 އޮގަސްޓު 2018 ގައި ޙާމިދު ފާއިޒް ތަން ބޭނުން ކުރަމުން ދިޔަކަން ސާބިތުވާކަމަށް ކަނޑައަޅައި، އެއްބަސްވުމުގެ 3 ވަނަ މާއްދާ އާއި 4 ވަނަ މާއްދާގައި ތަން ޙަވާލުކުރުމަށް ދެ ފަރާތުން ކަނޑައަޅާފައިވާ ގޮތް އެއްކިބާ ކޮށްފައި، ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 20 ވަނަ މާއްދާގެ (ހ) ގައިވާ އުޞޫލުން ޙާމިދު ފާއިޒް ދުލެއްދީ ތަނަށް ތަކެތި ވައްދައި ތަން ބޭނުންކުރަން ފަށާފައިވާ ކަމަށެވެ. ދަށު ކޯޓުގެ މި ނިންމުމަށް ބަދަލުގެންނަންޖެހޭ ފަދަ ސަބަބެއް ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ ކުރި މައްޗަށް ޙާމިދު ފާއިޒްގެ ފަރާތުން ހުށަހަޅާފައި ނުވާކަން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ބެލުމުން އެނގެއެވެ. އޭގެ ބަދަލުގައި، ތަން ބޭނުންކުރަމުން ދިޔަކަމަށް ޙާމިދު ފާއިޒްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުނު އިސްތިއުނާފުގައި ވަނީ އިޤްރާރުވެފައެވެ.12 އަދި އޭގެ ފަހުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި، ތަން ޙަވާލު ކުރެވިފައިވޭތޯ ސާފުކުރުމުން 1 އޮގަސްޓު 2018 ގައި ތަނުގެ ތަޅުދަނޑި ޙާމިދު ފާއިޒްގެ އަތުގައި އޮތްކަމަށް އޭނާގެ ވަކީލު ވަނީ އިޤްރާރު ވެފައެވެ.13 ވުމާއެކު، ކުލި ހޯދުމަށް ދައުވާކުރި މުއްދަތުގައި ޙާމިދު ފާއިޒް އާ ތަން ޙަވާލުކުރެވިފައި ވާކަން އޭނާގެ ބަހުން ސާބިތު ވެއެވެ.

20. މި އިސްތިއުނާފުގައި ޙާމިދު ފާއިޒްގެ ފަރާތުން ފާހަގަ ކުރާ ދެވަނަ ނުކުތާ އަކީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނިންމުމަކީ ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ށ) އާއި 142 ވަނަ މާއްދާ އަދި 143 ވަނަ މާއްދާގެ (ރ) އާ ޚިލާފަށް ޢަދުލުވެރިކަމާއި ވަކި ފަރާތަކަށް ނުޖެހި ހަމަހަމަ ކަމާއެކު ނިންމާފައިވާ ނިންމުމެއް ނޫންކަން ބުނެދިނުމެވެ. މީގެ ތަފުޞީލުގައި ފާހަގަ ކުރާ ކަންކަމުގެ ތެރޭގައި ހިމެނެނީ، އެކަށީގެންވާ ގޮތެއްގައި ދިފާޢުވުމަށް ފުރުސަތު ނެތި ދަށު ކޯޓުގައި ޝަރީޢަތް ކުރިއަށް ދިޔައިރު ހެކި ލިސްޓު ހުށަހެޅުމަށް ފުރުސަތު ނުލިބުމާއި އަދި ޚުލާޞާ ބަޔާން އިއްވުމަށް ފުރުސަތު ގެއްލިފައިވާ ކަމަށް ބުނެ ފާހަގަ ކުރާ ކަންކަމެވެ. ދިވެހިރާއްޖޭގެ ހައިކޯޓުން މި ނުކުތާގައި ފާހަގަ ކޮށްފައިވަނީ، ޤާނޫނީ ނައްސުތަކަށް ޙަވާލާ ނުދެވި ޙާމިދު ފާއިޒްގެ ފަރާތުން ފާހަގަ ކުރާކަމީ ޙަޤީގަތެއް ކަމުގައި ބަހުސްގެ ބޭނުމަށްޓަކައި ބެލިކަމުގައި ވިޔަސް، މުޅި ދައުވާގެ އަސާސް ބިނާވާ ތަން ޙާމިދު ފާއިޒް އާ ޙަވާލުކުރެވިފައި ވޭތޯ ކުރެވޭ ސުވާލަށް ދަށު ކޯޓުގައި އާއި އަދި ފަހުން ދިވެހިރާއްޖޭގެ ހައިކޯޓުގައި ތަން ބޭނުންކުރަމުން ދިޔަކަމަށް އޭނާ އިޤްރާރުވެ ޖަވާބު ދާރީވެފައިވާތީވެ، ޙާމިދު ފާއިޒްގެ ފަރާތުން ފާހަގަ ކުރާ ކަންކަމުގެ މައްޗަށް ބަލައި އެ އިޖުރާއީ ނުކުތާ ބަލައިގަނެ ގޮތެއް ކަނޑައަޅަން ނުޖެހޭ ކަމަށެވެ.14

21. ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 45 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވަނީ ޙުކުމް ކުރުމުގެ ކުރިއަށް ނުވަތަ ނިންމުމުގެ ކުރިއަށް އައި އިޖުރާއަތެއް ބާޠިލުކަމަށް ދިވެހިރާއްޖޭގެ ހައިކޯޓަށް އިސްތިއުނާފު ކުރެވޭނީ އެ އިޖުރާއީ ނުކުތާއަކީ ޙުކުމަށް ސީދާ އަސަރެއްކޮށްފައިވާ ނުކުތާއެއް ކަމުގައި ވާނަމަ އެވެ. މި އުޞޫލުން ނިޔަދުރު ހޯލްޑިންގްސްގެ ދައުވާގެ މައިގަނޑަކީ ކުލި ހޯދުމަށް ކަމަށްވެފައި، ދައުވާ ރައްދުވާ ޙާމިދު ފާއިޒް ކުލި ނުދެއްކުމަށް ކުރިމަތިކުރާ ދަފުޢަކީ އެއްބަސްވުމާ އެއްގޮތަށް ތަން ޙަވާލުކުރެވިފައި ނުވާ ކަމެވެ. ނަމަވެސް، ކުލި ހޯދުމަށް ދައުވާ ކުރެވުނު މުއްދަތުގައި ތަންބޭނުން ކުރަމުން ދިޔަކަމީ އެއީ ދެބަސްވާ ޙަޤީޤަތެއް ނޫންކަން އެނގޭ ހިނދު، މި ބާވަތުގެ މައްސަލައެއްގައި ޙާމިދު ފާއިޒްގެ ފަރާތުން ސާބިތުކުރުމަށް ބޭނުންވާ އިތުރު ކަމެއް ބުނެދެވިފައި ނުވެއެވެ. ނަތީޖާއެއްގެ ގޮތުން ޙާމިދު ފާއިޒްގެ ފަރާތުން ހުށަހަޅާފައިވާ ކަންކަމަކީ ޙުކުމަކަށް ސީދާ އަސަރުކުރުމުގެ އިޙުތިމާލު އޮތް ކަންތައްތަކެއް ނޫންކަން އެނގެން އޮންނާތީ، ޙާމިދު ފާއިޒްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅި އިޖުރާއީ ނުކުތާ ބަލައި ނުގަތުމަށް އެ ކޯޓުން ނިންމާފައިވާ ނިންމުން ރަނގަޅު ކަމަށް ދެކެމެވެ.

22. މި އިސްތިއުނާފުގައި އިސްތިއުނާފީ ދެވަނަ ނުކުތާ އާ ގުޅުވައި ޙާމިދު ފާއިޒްގެ ފަރާތުން ހުށަހަޅާ އިތުރު ކަމަކީ، އަޙްމަދު އިސްމާޢީލް ވ. ލަޠީފާ ޢަލީ ޙަސަން15 މައްސަލައިގައި، ކަނޑައަޅާފައިވާ އުޞޫލުން ޙުކުމަށް ވާޞިލުވި ސަބަބު ދިވެހިރާއްޖޭގެ ހައިކޯޓުގެ ނިންމުމުން ފެންނަން ނެތް ކަމަށެވެ. ޙާމިދު ފާއިޒްގެ ފަރާތުން މި ނުކުތާ އާ ގުޅުވައި، އުފައްދަން މަސައްކަތް ކުރާ ޤާނޫނީ ބަހުސެއް ސާފެއް ނޫނެވެ. ދިވެހިރާއްޖޭގެ ހައިކޯޓުގެ ނިންމުމަކީ ޙާމިދު ފާއިޒްގެ ފަރާތުން ހުށަހެޅި އިސްތިއުނާފު ކުރިއަށް ގެންދަންޖެހޭ ތަނެއް ނެތްކަމަށް ކަނޑައެޅުމެވެ. ނަތީޖާއަކީ، ދަށު ކޯޓުގެ ޙުކުމް ދެމެހެއްޓުމެވެ. އެ ނިންމުމަށް ވާޞިލުވި ސަބަބު ދިވެހިރާއްޖޭގެ ހައިކޯޓުގެ ނިންމުމުން ސާފުވާކަމީ ޙަޤީޤަތެކެވެ.

23. މި އިސްތިއުނާފުގައި ޙާމިދު ފާއިޒްގެ ފަރާތުން އެދިފައިވަނީ ދެފަރާތުގެ ބަސް ހޯދާ އިންސާފުވެރި ޙުކުމެއް ކުރުމަށްޓަކައި މި މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓަށް ތަޙުވީލު ކުރުމަށެވެ. މި މައްސަލައިގައި ދެފަރާތުގެ ބަސްވަނީ ހޯދިފައެވެ. ދަށު ކޯޓުގައި ޝަރީޢަތެއް ވަނީ ކުރެވިފައެވެ. އެ ކޯޓަށް ނިޔަދުރު ހޯލްޑިންގްސް އިން ހުށަހެޅި ދައުވާގައި، ޙާމިދު ފާއިޒްގެ ފަރާތުން ތަން ބޭނުން ކުރަމުންދާ ކަމަށް އިންކާރެއް ނުކުރެއެވެ. ތަން ބޭނުން ކުރުމަށްފަހު ކުލި ނުދައްކާ ހުރެވިދާނެ ސަބަބެއް ނެތެވެ. އޭގެ ފަހުން ދިވެހިރާއްޖޭގެ ހައިކޯޓާއި އަދި ފަހުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައިވެސް ޙާމިދު ފާއިޒްގެ ފަރާތުން ވަނީ ތަން ބޭނުންކުރަމުން ދިޔަ ކަމަށް އިޤްރާރުވެފައެވެ. ވުމާއެކު، މި މައްސަލަ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 18 ވަނަ މާއްދާގެ (ށ) ގައިވާ ހަމަތަކުގެ މަތިން، ދިވެހިރާއްޖޭގެ ހައިކޯޓަށް ތަޙުވީލުކޮށް ދެފަރާތުގެ ބަސް އަލުން ހޯދަންޖެހޭ ސަބަބެއް ފާހަގަ ނުކުރެވެއެވެ.

24. ނަތީޖާއެއްގެ ގޮތުން، ކުރިމަތީގައި މި އޮތް މައްސަލައަކީ ކޯޓުތަކާބެހޭ ޤާނޫނުގެ 16 ވަނަ މާއްދާގެ ތަރަހައިގެ ބޭރުން ހުށަހަޅާފައިވާ އިސްތިއުނާފެކެވެ.

މައްސަލަ ނިންމަން ފެންނަ ގޮތް

25. ބަޔާންވެދިޔަ ކަންކަަން އެ ގޮތުގެމަތިން ހުރުމާއެކު، މި މައްސަލައިގައި ދިވެހިރާއްޖޭގެ ހައިކޯޓުން ކޮށްފައިވާ ޙުކުމަށް ބަދަލު ގެންނަންޖެހޭ ފަދަ ޝަރުޢީ ނުވަތަ ޤާނޫނީ ސަބަބެއް އޮތް ކަމަކަށް ނުފެނެއެވެ.

ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔު

26. މި މައްސަލައިގައި ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރައުޔު

27. މި މައްސަލައިގައި ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

ޙުކުމް

ދެންފަހެ، އިސްވެ ބަޔާންވެދިޔަ ކަންކަން އެ ގޮތުގެމަތިން ހުރުމުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2019/HC-A/446 ޤަޟިއްޔާގެ ޙުކުމަށް ބަދަލު ގެންނަންޖެހޭ ފަދަ ޝަރުޢީ ނުވަތަ ޤާނޫނީ ސަބަބެއް ނެތްކަމަށް މި މައްސަލަ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ބެލި ފަނޑިޔާރުންގެ އިއްތިފާގުން ކަނޑައަޅައިފީމެވެ.

މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ: ޢާއިޝާ ޝުޖޫން މުޙައްމަދު މުޙައްމަދު އިބްރާހީމް ޙުސްނުއްސުޢޫދު (ރިޔާސަތު)

1:

2 ކުންފުނި ރެޖިސްޓްރޭޝަން ނަންބަރު C-0270/2015

3 ގ. މަލްވިނަ ގްރައުންޑް އަދި ފުރަތަމަ ބުރި ކުއްޔަށް ހިފުމާއިބެހޭ އެއްބަސްވުން ނަންބަރު NH/AGR-002/20018

4 އެއްބަސްވުމުގެ 4 ވަނަ މާއްދާ

5 19 ނޮވެންބަރު 2018 ގައި ނިޔަދުރު ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ޙާމިދު ފާއިޒްއަށް ފޮނުވި ސިޓީގެ ކޮޕީ

6 2020/SC-A/100

7 ޤާނޫނު ނަންބަރު 22/2010

8 [2021] SC 01

9 [2021] SC 05

10 [2021] SC 18

11 [2023] SC 37

12 ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ 33 ވަނަ ޕެރެގްރާފް

13 ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި 16 ނޮވެންބަރު 2023 ވަނަ ދުވަހު އޮތް ޝަރީޢަތުގެ މަޖިލީހުގައި ޙާމިދު ފާއިޒްގެ ވަކީލު ދައްކާފައިވާ ވާހަކަ

14 ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ 43 ވަނަ ޕެރެގްރާފް އާއި އަދި 44 ވަނަ ޕެރެގްރާފް

15ފުޓް ނޯޓު 6

2022/SC-A/101 [2023] SC 55

2019/SC-A/300 [2021] SC 778

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ޝެއަރ ކުރައްވާ