ދިވެހިރާއްޖޭގެ މަތީ މަރުޙަލާގެ ކޯޓުތަކުން ކަނޑައަޅާފައިވާ ޤާނޫނީ އުޞޫލުތައް

Maldives Legal Precedents

Saeed Lex
[2024] SC 01 · 2024/SC-A/01ސުޕްރީމް ކޯޓު · 21 ޖަނަވަރީ 2024

ޕްރޮސިކިއުޓަރ ޖެނެރަލް ވ. އަޙްމަދު މޫސާ މުޙައްމަދު

ސުޕްރީމް ކޯޓު
ފަހުގެ ޙުކުމެއްގައި ޙަވާލާދީފައެއް ނުފެނޭޙުކުމުގެ ހާލަތު
ސުޕްރީމް ކޯޓު · 21 ޖަނަވަރީ 2024ބާވަތް: ޖިނާއީ

ޚުލާޞާ

ޚުލާޞާ ނެތް.

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
—
ފަހުގެ ތާރީޚު
—

ނިންމުން

—

ކޯ ޓާމްސް

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

މި ލިޔުމުން އުޞޫލެއް ނުނެގުނު.

ފަނޑިޔާރުން

ބެންޗު
—
ޚިލާފު ރައުޔު
ނެތް

ޝަރީޢަތުގެ ވީޑިއޯ

ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.

 ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު [2024] SC 01 2024/SC-A/01 ޝަރީޢަތް ނިމުނުގޮތް ޕްރޮސިކިއުޓަރ ޖެނެރަލް ވ. އަޙްމަދު މޫސާ މުޙައްމަދު ފަނޑިޔާރުންގެ މަޖިލިސް ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދު ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރު ފަނޑިޔާރު ޙުސްނުއް ސުޢޫދު ނިމުނު ތާރީޚު 21 ޖަނަވަރީ 2024

އިސްތިއުނާފު ކުރެވުނު ޤަޟިއްޔާ 2023/HC-B12/81 އިސްތިއުނާފު ރައްދުވާ ފަރާތް އިސްތިއުނާފުކުރާ ފަރާތް އަޙްމަދު މޫސާ މުޙައްމަދު، ރެޑްހައުސް، ވ. ތިނަދޫ ޕްރޮސިކިއުޓަރ ޖެނެރަލް ޤާނޫނީ ވަކީލު: ޤާނޫނީ ވަކީލު: މަރްޔަމް ނިހާޔަތު، ދިވެހި ޗެމްބަރސް އެލްއެލްޕީ ޕަބްލިކް ޕްރޮސިކިއުޓަރ އިބްރާހީމް ނާޞިޙް ޖިނާއީ – ފުރުން މަނާކުރުމުގެ އަމުރު މުރާޖަޢާކޮށް ނިންމިގޮތް – ޕާސްޕޯޓު ހިފެހެއްޓުން - ސިއްހީ ސަބަބުތަކަށްޓަކައި ރާއްޖެއިން ބޭރަށް ދިއުމުގެ ހުއްދަ ދިނުން

ފިހުރިސްތު

ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔު 1

ތަޢާރުފު 1

ކަންހިނގާފައިވާ ގޮތް 1

ހައިކޯޓުގެ ނަންބަރު 2023/HC-B12/81 ގަޟިއްޔާ 4

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައިވާ ނުކުތާތަކާއި އެއިގެ ރައްދު 5

ސުޕްރީމް ކޯޓުން ޖަވާބުދޭންޖެހޭ ސުވާލުތައް 9

ޤާނޫނުއަސާސީގެ 143 ވަނަ މާއްދާއާ ޚިލާފަށްކަން ނުވަތަ ނޫންކަން 9

ޕާސްޕޯޓު ދޫކޮށްލުމަށް ނިންމި ނިންމުމަށް ތާއީދުކޮށްފައިވަނީ ރަނގަޅަށްކަން ނުވަތަ ނޫންކަން 14

ނިންމަން ފެންނަ ގޮތް 20

ވަގުތީ އަމުރު 21

ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުގެ ރައުޔު 21

ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރައުޔު 22

ޙުކުމް 23

` ޕްރޮސިކިއުޓަރ ޖެނެރަލް ވ. އަޙްމަދު މޫސާ މުޙައްމަދު [2024] SC 01 ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔު (ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރު އަދި ފަނޑިޔާރު ޙުސްނުއްސުޢޫދު ތާއީދު ކުރައްވާފައި) ތަޢާރުފު

1. މިއީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2023/HC-B12/81 ޤަޟިއްޔާ ނިންމާފައިވަނީ ޤާނޫނީ އުސޫލުތަކާ ޚިލާފަށްކަމަށްބުނެ ޕްރޮސިކިއުޓަރ ޖެނެރަލް (މީގެފަހުން "ޕްރޮސިކިއުޓަރ ޖެނެރަލް" ނުވަތަ "ދައުލަތް") ގެ ފަރާތުން އިސްތިއުނާފަށް ހުށަހެޅި މައްސަލައެކެވެ. މި މައްސަލައިގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ ވ. ތިނަދޫ، ރެޑްހައުސް، އަޙްމަދު މޫސާ މުޙައްމަދު (މީގެފަހުން "އަޙްމަދު މޫސާ މުޙައްމަދު" ނުވަތަ "އިސްތިއުނާފު ރައްދުވާ ފަރާތް") އެވެ.

ކަންހިނގާފައިވާ ގޮތް

2. ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (މީގެފަހުން "އެޗް.ޑީސީ") އާއި ސީލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑް (މީގެފަހުން "ސީލައިފް ގްލޯބަލް") އާ ދެމެދު ވެފައިވާ އެއްބަސްވުމެއްގެ ދަށުން ހުޅުމާލޭގައި 3000 (ތިންހާސް) ހައުސިންގ ޔުނިޓް އެޅުމަށް، ސީލައިފް ގްލޯބަލްއާ ހަވާލުކުރުމުން، އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރގެ ގޮތުގައި އަޙްމަދު މޫސާ މުޙައްމަދު ހުރެ، ދީފައިވާ މުއްދަތުގައި ހައުސިންގ ޔުނިޓްތައް އެޅުމުގެ ޢަމަލީ މަސައްކަތް ފުރިހަމަނުކޮށް، އެކި ފަރާތްތަކުގެ އަތުން ބޮޑެތި ޢަދަދުތަކުން ފައިސާ ނަގައި އެ ފައިސާއަށް ޚިޔާނާތްތެރިވެފައިވާ ކަމަށް ތުހުމަތުކުރެވުނު މައްސަލައާ ގުޅިގެން 30 މޭ 2021 ގައި އަޙްމަދު މޫސާ މުޙައްމަދުގެ މައްޗަށް ރައްދުވާ ގޮތަށް ޚިޔާނާތްތެރިވުމުގެ ކުށުގެ 42 ދަޢުވާއެއް ކްރިމިނަލް ކޯޓުގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން އުފުލާފައިވެއެވެ. މި މައްސަލަތައް ބަލަމުންދަނީ އެ ކޯޓުގެ ނަންބަރު 317/Cr-C/2021 ޤަޟިއްޔާއިން ފެށިގެން ނަންބަރު 358/Cr-C/2021 ގަޟިއްޔާގެ ނިޔަލަށެވެ.

3. އަޙްމަދު މޫސާ މުޙައްމަދު މާޒީގައި އަމަލުކޮށްފައިވާ ގޮތުން އޭނާއަކީ ފިލުމުގެ އިޙްތިމާލު އޮތް މީހެއް ކަމުގައިބުނެ، ކްރިމިނަލް ކޯޓުގައި ހިނގަމުންދާ ބަޔާންވެދިޔަ މައްސަލަތަކުގެ ޝަރީޢަތް ނިމެންދެން އަޙްމަދު މޫސާ މުޙައްމަދު ބަންދުގައި ބެހެއްޓުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ކްރިމިނަލް ކޯޓުގައި އެދުނުހިނދު، ޝަރުޠުތަކަކާއެކު އަޙްމަދު މޫސާ މުޙައްމަދު ބަންދުން ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން ނިންމާފައިވާތީ، އެ ނިންމުން ދައުލަތުގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން، ޝަރީޢަތް ނިމެންދެން އަޙްމަދު މޫސާ މުޙައްމަދު ބަންދުކުރުމަށް 17 ޖުލައި 2021 ގައި ހައިކޯޓުން ޙުކުމްކޮށްފައިވެއެވެ.1 އޭގެފަހުން އަޙްމަދު މޫސާ މުޙައްމަދުގެ ބަންދު ދެ ފަހަރެއްގެ މަތިން މުރާޖަޢާކުރެވި، ބަންދުގައި ހުރި ހުރުން ދެމެހެއްޓުމަށް ކްރިމިނަލް ކޯޓުން ނިންމާފައިވެއެވެ.2

4. 20 އޮކްޓޫބަރު 2021 އާ ހަމައަށް އަޙްމަދު މޫސާ މުޙައްމަދު ބަންދުގައި ހުރުމަށްފަހު، އަޙްމަދު މޫސާ މުޙައްމަދުގެ ބަންދު މުރާޖަޢާކުރުމަށް އެދި ދައުލަތުން ހުށަހެޅި ހުށަހެޅުމާ ގުޅިގެން އެ ތާރީޚުގައި ބޭއްވުނު އަޑުއެހުމަށްފަހު، ޝަރުޠުތަކަކާއެކު ރަށުން ބޭރަށް ދިއުން މަނާކޮށް ކަފާލާތުގެ ދަށުން އަޙްމަދު މޫސާ މުޙައްމަދު ބަންދުން ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފައިވެއެވެ.3 އެހެން ނަމަވެސް މި ނިންމުން ދައުލަތުގެ ފަރާތުން އިސްތިއުނާފު ކުރުމުން އެ އަމުރު ބާޠިލުކޮށް، ޝަރީޢަތް ނިމެންދެން އަޙްމަދު މޫސާ މުޙައްމަދު ބަންދުގައި ބެހެއްޓުމަށް އަމުރުކޮށް 15 ނޮވެންބަރު 2021 ގައި ހައިކޯޓުން ޙުކުމްކޮށްފައިވެއެވެ.4

5. އެއަށްފަހު 20 މާރިޗު 2022 ގައި ކްރިމިނަލް ކޯޓުގައި ބޭއްވުނު ބަންދު މުރާޖަޢާކުރުމުގެ އަޑުއެހުމުގައި އަޙްމަދު މޫސާ މުޙައްމަދު ޝަރުޠުތަކަކާއެކު ބަންދުން ދޫކޮށްލުމަށް އަނެއްކާވެސް ކްރިމިނަލް ކޯޓުން ނިންމާފައިވެއެވެ.5 މި ނިންމުމުގައި ފާހަގަކޮށްފައިވަނީ، 16 ޖޫން 2021 ގައި އެ ކޯޓުން ނެރުނު ކޯޓު އަމުރުން6 އަޙްމަދު މޫސާ މުޙައްމަދު ދިވެހިރާއްޖެއިން ފުރައިގެން ދިއުން މަނާކުރިކަން އަންގައި، އަޙްމަދު މޫސާ މުޙައްމަދުގެ ޕާސްޕޯޓު ނުވަތަ ޓްރެވެލް ޑޮކިއުމެންޓް ހިފެހެއްޓުމަށް މޯލްޑިވްސް އިމިގްރޭޝަންގެ މައްޗަށް އަމުރުކޮށްފައިވާ ކަމަށާއި، މިއީ ބަންދުން ދޫވެފައި ހުރިކަމުގައިވިޔަސް ޝަރީޢަތަށް ނުފިލާނެކަން ކަށަވަރުކުރުމަށް އަޅާފައިވާ ފިޔަވަޅެއް ކަމަށެވެ. މި ނިންމުން ދައުލަތުގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފުކުރުމުން އެ ކޯޓުން މި ނިންމުމަށް ތާއީދުކޮށްފައިވެއެވެ.7

6. 16 ޖޫން 2021 ގައި ކްރިމިނަލް ކޯޓުން ނެރެފައިވާ ފުރުން މަނާކުރުމުގެ އަމުރު މުރާޖަޢާކޮށްދިނުމަށް އެދި އަޙްމަދު މޫސާ މުޙައްމަދުގެ ފަރާތުން 29 ނޮވެންބަރު 2023 ގައި އެ ކޯޓަށް ހުށަހަޅާފައިވެއެވެ. މި ހުށަހެޅުމާ ގުޅިގެން އެ ކޯޓުގެ ނަންބަރު 145-B11/AM/2023/01 ނިންމުމުން ނިންމާފައިވަނީ، 16 ޖޫން 2021 ގައި އެ ކޯޓުން ނެރެފައިވާ ފުރުން މަނާކުރުމުގެ އަމުރު ވަގުތީގޮތުން ސަސްޕެންޑްކޮށް، 06 ޑިސެންބަރު 2023 ގެ 17:00 އިން ފެށިގެން 25 ޑިސެންބަރު 2023 ގެ 23:00 ގެ ނިޔަލަށް އަޙްމަދު މޫސާ މުޙައްމަދުގެ ޕާސްޕޯޓު ދޫކޮށްލުމަށެވެ. ކްރިމިނަލް ކޯޓުގެ މި ނިންމުމާއެކު ނެރެފައިވާ އަމުރުގައިވާ މުއްދަތަކީ 06 ޑިސެންބަރު 2023 ގެ 17:00 އިން ފެށިގެން 26 ޑިސެންބަރު 2023 ގެ 23:00 ގެ ނިޔަލަށްކަން ފާހަގަކުރެވެއެވެ.8

7. އަޙްމަދު މޫސާ މުޙައްމަދުގެ ޕާސްޕޯޓު ވަކި މުއްދަތަކަށް ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުމަކީ ޤާނޫނީ އުސޫލުތަކާ ޚިލާފަށް ނިންމާފައިވާ ނިންމުމެއް ކަމަށް ދެކިގެން ދައުލަތުގެ ފަރާތުން އެ ނިންމުން ހައިކޯޓުގައި އިސްތިއުނާފުކޮށްފައިވެއެވެ.

ހައިކޯޓުގެ ނަންބަރު 2023/HC-B12/81 ގަޟިއްޔާ

8. ބަޔާންވެދިޔަ ކްރިމިނަލް ކޯޓުގެ ނިންމުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމުން، ހައިކޯޓުން ވަނީ ކްރިމިނަލް ކޯޓުގެ ނިންމުމަށް ތާއީދުކޮށްފައެވެ. އެފަދައިން ނިންމުމުގައި އެ ކޯޓުން ރިޢާޔަތްކޮށްފައިވަނީ އަންނަނިވި ކަންކަމަށެވެ.

8.1 މައްސަލައެއްގެ ނިންމުމަކީ އިންސާފުވެރި ނިންމުމެއް ނޫންކަމަށް ޚަސްމަކު ދެކޭ ކޮންމެ ފަހަރަކު މަތީ މަރުޙަލާގެ ނިންމުންތަކުގައި ހުންނަ ފަނޑިޔާރުކަމުގެ ޒާތާ ގުޅުންހުރި ޢާންމު ސިފަތައް ބަޔާންކުރާ ޕެރެގްރާފްތަކުގެ ވަކިވަކި ޖުމުލަތަކުގެ މައްޗަށް ބިނާކޮށް އެއީ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ) އާ ޚިލާފުވީތޯ ކަނޑައެޅުމަށްޓަކައި، އިސްތިއުނާފީ މައްސަލަތައް ބަލައިގަނެ އިސްތިއުނާފީ އޮޅިގަނޑު ގިރާކުރެވޭ ކަމަށް ބަލާނަމަ މި އޮޅިގަނޑު ގިރާ ނުކުރާނެ މައްސަލައެއް މަދުވާނެކަމާއި އެއާ ޚިލާފަށް އިސްތިއުނާފީ އޮޅިގަނޑު ގިރާކުރުމަށްޓަކައި އިސްތިއުނާފު ބިނާވާންޖެހޭނީ ފަނޑިޔާރުންގެ ނިންމުން އިންސާފުވެރި ނުވުމުގައި ޚިލާފުވި ޝަރުޢީ ނުވަތަ ޤާނޫނީ އުސޫލުގެ މައްޗަށްކަން.

8.1. ކްރިމިނަލް ކޯޓުގެ ޕާސްޕޯޓު ހިފެހެއްޓުމުގެ އަމުރުގައި، ދިވެހިރާއްޖޭގައި މަޑުކުރުވަން ބޭނުންވާ ސަބަބު ކަމުގައި ބަޔާންކޮށްފައިވަނީ "ދައުލަތުން އަޙްމަދު މޫސާ މުޙައްމަދުގެ މައްޗަށް ދަޢުވާ ކޮށްފައިވާ ޚިޔާނާތްތެރިވުމުގެ ކުށުގެ މައްސަލައިގެ ޝަރީޢަތް ހިންގުމަށްޓަކައި" މިފަދައިން ކަމަށާއި، އެހެންކަމުން އަޙްމަދު މޫސާ މުޙައްމަދުގެ ޕާސްޕޯޓު ހިފެހެއްޓިފައިވަނީ ދައުލަތުން ބުނާފަދަ ފިލާފާނެ ކަމުގެ ބިރަށްޓަކައިކަން އެ އަމުރުން ކަށަވަރުނުވާކަން.

8.2. ފިލާފާނެ ކަމުގެ އިހްތިމާލެއް އޮތްކަމަށް ބެލެވިފައިވާ މީހަކާމެދު ޝަރީޢަތުން ފިޔަވަޅު އެޅުމުގައި އަބަދުމެ އެކަމަށް ސަމާލުވާންޖެހޭނެ ކަމާއި، ދަށު ކޯޓުން ޢަމަލުކޮށްފައިވާ ގޮތަށް ބަލާއިރު އެކަމަށް ފާރަވެރިވެފައިވާކަމަށް ބެލެވޭ ސަބަބަކީ، އަޙްމަދު މޫސާ މުޙައްމަދު އެދުނު ފަދައިން ޕާސްޕޯޓު ހިފެހެއްޓި ހިފެހެއްޓުން ބާޠިލުކުރުމުގެ ބަދަލުގައި ހުށިޔާރުވެރި ފިޔަވަޅެއްގެ ގޮތުގައި ޕާސްޕޯޓު ދޫކޮށްފައިވަނީ ވަގުތީ ގޮތުން ކަނޑައެޅުނު މުއްދަތަކަށް، އެ މުއްދަތުގެ ފަހުން ޕާސްޕޯޓު ހިފެހެއްޓުން އިއާދަވާ ގޮތަށްކަން.

8.3. އަޙްމަދު މޫސާ މުޙައްމަދުގެ ސިއްޙީ ޙާލަތާ ގުޅޭގޮތުން ބަޔާންކުރި ކަންކަމަށް ދައުލަތުގެ ފަރާތުން އެއްވެސް ކަމެއް ފާހަގަކޮށްފައި ނުވާކަމަށް ދަށު ކޯޓުގެ ނިންމުމުގައި ފަނޑިޔާރު ފާހަގަކޮށްފައިވާ ކަމަށާއި، އެހެންކަމުން ބަލީގެ ސީރިއަސް ކަމާއި، ކުއްލި ފަރުވާ ލިބެންޖެހޭތޯ މި މަރުޙަލާގައި އަލަށް އުފައްދާ ސުވާލުތަކަކީ މި ޙާލަތުގައި މި ކޯޓުން ވަޒަންކޮށް ގޮތެއް ކަނޑައެޅިދާނެކަމެއް ނޫންކަން.

8.4. އަޙްމަދު މޫސާ މުޙައްމަދު ބަލީގައި ފަރުވާ ހޯދާފައިވާ މުއްދަތާއި، ބަލީގެ ބާވަތާއި ސީރިއަސްކަމަށާއި، ވޭތުވެދިޔަ ތަނުގައި އަޙްމަދު މޫސާ މުޙައްމަދު ކޯޓަށް އެއްބާރުލުން ދީފައި ވުމުގެ މައްޗަށާއި، އަޙްމަދު މޫސާ މުޙައްމަދުގެ ފަރުވާގެ މުއްދަތުގައި އެހީތެރިކަން ފޯރުކޮށްދޭންތިބި މީހުން ތިބީ ރާއްޖެއިން ބޭރުގައިކަމަށް ބުނެ ފާހަގަކުރި ކުރުމަށް ދަށު ކޯޓުގެ ފަނޑިޔާރު ރިޢާޔަތްކުރައްވާފައިވާ ކަމަށާއި، އެހެންކަމުން ބަލީގެ ފަރުވާ ރާއްޖެއިން ލިބޭތީ ހަމައެކަނި އެ ސަބަބަށްޓަކައި ދަށު ކޯޓުގެ ނިންމުން ބާޠިލު ނުކުރެވޭނެކަން.

8.5. އަޙްމަދު މޫސާ މުޙައްމަދުއަކީ ބަންދުގައި ހުރި މީހެއް ކަމުގައި ނުވާއިރު ބަންދުން ދޫކޮށްލުމާ ގުޅޭގޮތުން ކަނޑައެޅިފައިވާ އުސޫލުތައް މި މައްސަލައަށް ތަޠުބީޤު ކުރެވޭ ގޮތެއް ދައުލަތަށް ބުނެދެވިފައި ނުވާކަން.

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައިވާ ނުކުތާތަކާއި އޭގެ ރައްދު

9. ހައިކޯޓުގެ ނިންމުން ޤާނޫނީ އުސޫލުތަކާ ޚިލާފުކަމަށް ބުނެ ދައުލަތުގެ ފަރާތުން ހުށަހަޅާފައިވަނީ އިސްތިއުނާފީ 1 (އެކެއް) ނުކުތާއެވެ. އެއީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2023/HC-B12/81 ގަޟިއްޔާގައި ނިންމާފައިވާ ނިންމުމަކީ، ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ) އާ ޚިލާފަށް ނިންމާފައިވާ ނިންމުމެއް ކަމަށާއި، އެ ގަޟިއްޔާގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އޚމ [2022] SC 399 މައްސަލައިގެ 15 ވަނަ ޕެރެގްރާފުގައި ބަޔާންވެގެންވާ އުސޫލު މާނަކޮށް ތަޠުބީޤުކޮށްފައިވަނީ ރަނގަޅަށް ނޫންކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ. މި ނުކުތާ ތަފްޞީލު ކުރަމުން ދައުލަތުގެ ފަރާތުން އަންނަނިވި ކަންކަން ފާހަގަކޮށްފައިވެއެވެ.

9.1. އަޙްމަދު މޫސާ މުޙައްމަދުއަކީ ހަޤީޤަތުގައިވެސް މި މައްސަލައާ ގުޅިގެން ބަންދުގައި ހުންނަންޖެހޭ މީހެއްކަމާއި، އެހެން ނަމަވެސް، އަޙްމަދު މޫސާ މުޙައްމަދުގެ ބަންދަށް ލުޔެއް ދެވޭނީ، ފިލާފާނެ ކަމަށް ބެލެވޭ ސަބަބު ނެތިކޮށްލެވޭފަދަ ހަރުދަނާ ފިޔަވަޅުތަކެއްގެ ތެރެއިން ކަން ހައިކޯޓުން މި މައްސަލައިގައި ކުރީގައި ނިންމާފައިވާ ނިންމުންތަކަށް10 ބެލުމުން އެނގޭކަން.

9.2. އަޙްމަދު މޫސާ މުޙައްމަދު ފިލައިގެން ރާއްޖެ ދޫކޮށް ދިއުން ހުއްޓުވުމަށް ޤާނޫނީ ގޮތުން އެޅެން އޮތް އެންމެ ހަރުދަނާ އެއް ފިޔަވަޅަކީ އަޙްމަދު މޫސާ މުޙައްމަދުގެ ޕާސްޕޯޓު ނުވަތަ ދަތުރުފަތުރު ކުރުމަށް ގެންގުޅޭ އެނޫންވެސް ރަސްމީ ލިޔުމެއް ހިފެހެއްޓުމަށް ކޯޓުން އަމުރުކުރުން ކަމަށް، ހައިކޯޓުން 15 ނޮވެންބަރު 2021 ގައި ނިންމާފައިވާ އެ ކޯޓުގެ ނަންބަރު 2021/HC-B12/75 ޤަޟިއްޔާގައި އެ ކޯޓުން ބަޔާންކޮށްފައިވާކަން.

9.3. ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ) ބުނާގޮތުން މި މައްސަލައިގައި ގޮތެއް ނިންމާއިރު ހައިކޯޓުން ކުރިން މި މައްސަލައިގައި ނިންމާފައިވާ ޤަޟިއްޔާތަކަށް ކްރިމިނަލް ކޯޓުން ރިޢާޔަތް ކުރަންޖެހޭނެ ކަމާއި، ކްރިމިނަލް ކޯޓުގެ ނިންމުން ރަނގަޅުކަމަށް ހައިކޯޓަށް ނިންމޭނީ، ކުރީގެ ގަޟިއްޔާތަކުގައި ހައިކޯޓުން ކަނޑައަޅާފައިވާ އުސޫލުތަކަށް ކްރިމިނަލް ކޯޓުން ތަބާވެފައިވާނަމަކަން.

9.4. ފުރުން މަނާކުރުމުގެ އަމުރު މުރާޖަޢާކޮށްދިނުމަށް އެދި ހުށަހެޅި ހުށަހެޅުމަށް ބަލާއިރު މި އަމުރު ބާޠިލުކޮށްދިނުމަށް އަޙްމަދު މޫސާ މުޙައްމަދު އެދިފައިވަނީ މައިބަދައިގެ ސާރޖަރީއެއް ހެދުމަށް އަޙްމަދު މޫސާ މުޙައްމަދުގެ ޢާއިލާ ދިރިއުޅޭ ސްރީލަންކާއަށް ދިއުމަށް ކަމަށް ބަޔާންކޮށްފައިވީ ނަމަވެސް، 20 މާރިޗު 2022 ގައި ޝަރުޠުކޮށް ބަންދުން ދޫކުރިފަހުން ޑޮކްޓަރަށް ދައްކާފައިވަނީ 28 ނޮވެންބަރު 2023 ގައި ކަމާއި، އަޙްމަދު މޫސާ މުޙައްމަދުގެ ބައްޔަކީ ވަގުތުން ވަގުތަށް ސާރޖަރީއެއް ހަދަންޖެހޭ ފަދަ ބައްޔެއް ނޫންކަން ޑޮކްޓަރީ ލިޔުމަށް ބެލުމުން އެނގޭކަން.

9.5. ރާއްޖެއިން ހޯދޭ ފަރުވާއެއް ލިބިގަތުމަށް ރާއްޖެއިން ބޭރަށް ދިއުމުގެ ހުއްދަ އަޙްމަދު މޫސާ މުޙައްމަދަށް ދީފައިވާކަމާއި، ޕާސްޕޯޓު ދޫކުރުމުގެ މުއްދަތު ކަނޑައަޅާފައިވަނީ ސާރޖަރީ ހެދުމަށް ހިނގާނެ މުއްދަތަށާއި، ރިކަވަރީއަށް ހޭދަވާނެ މުއްދަތަށް ރިޢާޔަތްކުރުމަކާ ނުލައިކަން.

9.6. މި މައްސަލައިގައި ދައުލަތުގެ ފަރާތުން އަލަށް ދެއްކި ވާހަކަތަކަކީ ކްރިމިނަލް ކޯޓުގެ ފަނޑިޔާރު ނިންމި ނިންމުމެއްގެ ސަބަބުން ހައިކޯޓުގައި އަލަށް ދައްކަންޖެހުނު ވާހަކަތަކެއް ކަމާއި، އެ ނުކުތާތަކަށް ހަވާލާދީފައިވަނީ އެ ކަންކަމަކީ ޢަދުލު އިންސާފު ޤާއިމުކުރުމަށްޓަކައި ކޮންމެހެން ރިޢާޔަތްކުރެވިފައި އޮންނަންޖެހޭ ނުކުތާތަކަށްވާތީ ކަމުން، އެއީ އައު ޤާނޫނީ ނުކުތާތަކެއް ހުށަހަޅަނީ ކަމުގައި ނުބެލެވޭނެކަން.

9.7. އަޙްމަދު މޫސާ މުޙައްމަދު ފިލުމުގެ އިހުތިމާލު އޮތްކަމާއި، ނުފިލާނެކަން ކަށަވަރުވާ ފިޔަވަޅަކީ ޕާސްޕޯޓު ހިފެއްހެއްޓުން ކަމާއި، އަޙްމަދު މޫސާ މުޙައްމަދުގެ ބައްޔަށް ރާއްޖެއިން ބޭސްފަރުވާ ކުރެވެން އޮތްކަން ކްރިމިނަލް ކޯޓުގެ ސަމާލުކަމަށް ގެނެވިފައިވީ ނަމަވެސް، އެ ވާޤިއާތަކަށް ކްރިމިނަލް ކޯޓުން ރިޢާޔަތްކޮށްފައި ނުވާކަމަށް ހައިކޯޓުގައި ވަކާލާތުކޮށްފައިވާތީ، ސުޕްރީމް ކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އޚމ [2022] SC 3911 ގަޟިއްޔާގެ 15 ވަނަ މާއްދާގެ (ނ) ގައި ވާ ޙާލަތު މި މައްސަލައިގައި އޮތްކަން.

9.8. އަޙްމަދު މޫސާ މުޙައްމަދުގެ ޕާސްޕޯޓު ދޫކުރުމުގެ ސަބަބުން، އޭނާ ފުރައިގެން ގޮސް އަލުން ރާއްޖެ ނުގެނެވޭ ހާލަތެއް މެދުވެރި ވެއްޖެނަމަ މައްސަލައިގެ މައުޟޫޢުގައި ފައިސަލާ ނުކުރެވި އިންސާފު ޤާއިމުކުރުމަށް ހުރަސް އެޅިގެން ހިނގައިދާނެކަމަށް ދައުލަތުން ހައިކޯޓުގައި ފާހަގަކޮށްފައިވާތީ، ސުޕްރީމް ކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އޚމ [2022] SC 3912 ގަޟިއްޔާގެ 15 ވަނަ ޕެރެގްރާފްގެ (ރ) ގައި ބުނާ ޙާލަތު މި މައްސަލައިގައި އޮތްކަން.

10. ދައުލަތުން ހުށަހަޅާފައިވާ އިސްތިއުނާފީ ނުކުތާގެ ރައްދުގައި އަޙްމަދު މޫސާ މުޙައްމަދުގެ ފަރާތުން އަންނަނިވި ކަންކަން ފާހަގަކޮށްފައިވެއެވެ.

10.1. ދައުލަތުން ހުށަހެޅި އިސްތިއުނާފީ ނުކުތާގައި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނިންމުން ޤާނޫނޫއަސާސީގެ 143 ވަނަ މާއްދާގެ (ރ) އާ ޚިލާފު ނިންމުމެއް ކަމުގައި ބަޔާންކޮށްފައިވާއިރު، މި މައްސަލައިގައި ދައުލަތުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅި އިސްތިއުނާފީ ނުކުތާގެ ދަށުން ފާހަގަކުރި ގިނަ ކަންކަމަކީ އެ ފަރާތުން ކްރިމިނަލް ކޯޓުގެ އަޑުއެހުމުގައި ފާހަގަނުކުރާ އަދި އެ ކަންކަމާގުޅޭ ގޮތުން އެ މަރުހަލާގައި ވާހަކަ ދެކެވިފައިވާ ނުވާ ކަންކަން ކަމުގައިވާތީ، އިސްތިއުނާފީ މަރުހަލާގައި އެ ވާހަކަތަކަށް ފުރުޞަތުދޭންޖެހޭ ޚާއްސަ އިސްތިސްނާއީ ޙާލަތެއް ވުޖޫދުވާކަން ދައުލަތުން ޝަރީޢަތަށް ސާފުކޮށްދީފައި ނުވާކަމަށެވެ.

10.2. އަޙްމަދު މޫސާ މުޙައްމަދުގެ ޕާސްޕޯޓު ދޫކުރުމުގެ ސަބަބުން، އަލުން ރާއްޖެ ނުގެނެވި މައްސަލައިގެ މައުޟޫޢުގައި ފައިސަލާ ނުކުރެވި އިންސާފު ޤާއިމުކުރުމަށް ހުރަސް އެޅިގެން ހިނގައިދާނެ ކަމަށް ދައުލަތުން ހައިކޯޓުގައި ފާހަގަކޮށްފައިވާތީ ސުޕްރީމް ކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އޚމ [2022] SC 3913 ގަޟިއްޔާގެ 15 ވަނަ ޕެރެގްރާފްގެ (ރ) ގައި ބުނާ ޙާލަތު މި މައްސަލައިގައި އޮތް ކަމުގައި ދައުލަތުން ބުނިނަމަވެސް، އެފަދަ ޙާލަތެއް މި މައްސަލައިގައި ނެތްކަން އެނގެނީ އަޙްމަދު މޫސާ މުޙައްމަދު ފުރުން މަނާކޮށްފައިވާ ނިންމުން ކްރިމިނަލް ކޯޓުން ބާޠިލްކޮށްފައި ނުވާތީއެވެ. އޭގެ ބަދަލުގައި 20 (ވިހި) ދުވަހުގެ މުއްދަތަށް އެ ނިންމުން ސަސްޕެންޑްކޮށް އޭގެފަހުން އަލުން ފުރުން މަނާކުރެވިގެންވާ ކަމަށް ކްރިމިނަލް ކޯޓުގެ ނިންމުމުގައިވުމުން މިކަމަށް އިތުރަށް ބާރުލިބޭ ކަމުގައި އަޙްމަދު މޫސާ މުޙައްމަދުގެ ފަރާތުން ބުނެއެވެ.

ސުޕްރީމް ކޯޓުން ޖަވާބުދޭންޖެހޭ ސުވާލުތައް

11. މި މައްސަލައާ ގުޅިގެން ސުޕްރީމް ކޯޓުން ޖަވާބުދޭންޖެހެނީ މައިގަނޑު 2 (ދޭއް) ސުވާލަކަށެވެ. އެއީ:

(ހ) ކްރިމިނަލް ކޯޓުގެ ނިންމުން ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ) އާ ޚިލާފުނުވާކަމަށް ހައިކޯޓުން ނިންމާފައިވަނީ ރަނގަޅަށްކަން ނުވަތަ ނޫންކަން؛ އަދި

(ށ) އަޙްމަދު މޫސާ މުޙައްމަދުގެ ޕާސްޕޯޓު ވަކި މުއްދަތަކަށް ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުމަށް ހައިކޯޓުން ތާއީދުކޮށްފައިވަނީ ރަނގަޅަށްކަން ނުވަތަ ނޫންކަން، މިއެވެ.

ޤާނޫނުއަސާސީގެ 143 ވަނަ މާއްދާއާ ޚިލާފަށްކަން ނުވަތަ ނޫންކަން

12. އަޙްމަދު މޫސާ މުޙައްމަދުއާ މެދު ކުރެވިފައިވާ ތުހުމަތާއި ގުޅިގެން އޭނާ ބަންދުގައި ބެހެއްޓުމަށްފަހު، ބަންދު މުރާޖަޢާކުރުމުގެ ތެރެއިން އަޙްމަދު މޫސާ މުޙައްމަދު ބަންދުން ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން ދެ ފަހަރެއްގެ މަތިން އަމުރުކުރުމުންވެސް، ހައިކޯޓުން ކްރިމިނަލް ކޯޓުގެ އެ ނިންމުންތައް ބާޠިލުކޮށް، އަޙްމަދު މޫސާ މުޙައްމަދުއަކީ ހަޤީޤަތުގައިވެސް މި މައްސަލައާ ގުޅިގެން ބަންދުގައި ހުންނަންޖެހޭ މީހެއް ކަމުގައި ވާހިނދު، އޭނާގެ ބަންދަން ލުޔެއް ދެވޭނީ، އަޙްމަދު މޫސާ މުޙައްމަދު ފިލާފާނެ ކަމަށް ބެލެވޭ ސަބަބު ނެތިކޮށްލެވޭފަދަ ހަރުދަނާ ފިޔަވަޅުތަކެއްގެ ތެރެއިން ކަމަށާއި، އަޙްމަދު މޫސާ މުޙައްމަދު ފިލައިގެން ރާއްޖެ ދޫކޮށް ދިއުން ހުއްޓުވުމަށް ޤާނޫނީ ގޮތުން އެޅެން އޮތް އެންމެ ހަރުދަނާ އެއް ފިޔަވަޅަކީ އަޙްމަދު މޫސާ މުޙައްމަދުގެ ޕާސްޕޯޓު ނުވަތަ ދަތުރުފަތުރު ކުރުމަށް ގެންގުޅޭ އެނޫންވެސް ރަސްމީ ލިޔުމެއް ހިފެހެއްޓުމަށް ކޯޓުން އަމުރުކުރުން ކަމަށް ހައިކޯޓުން މި މައްސަލައިގައި ކުރީގައި ނިންމާފައިވާ ނިންމުންތަކަށް14 ބެލުމުން އެނގެން އޮތްހިނދު، ކްރިމިނަލް ކޯޓުން ވަކި މުއްދަތަކަށް އަޙްމަދު މޫސާ މުޙައްމަދުގެ ޕާސްޕޯޓު ދޫކޮށްލުމަށް ނިންމާފައިވަނީ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާއާ ޚިލާފަށް ކަމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ބުނެއެވެ.

13. އެހެންނަމަވެސް، މި ނުކުތާ ހައިކޯޓުގައި އިސްތިއުނާފުކުރުމުން، ހައިކޯޓުން އެ ނުކުތާއަށް ގޮތް ކަނޑައެޅުމުގައި އަޙްމަދު މޫސާ މުޙައްމަދުގެ ބަންދާއި ގުޅިގެން އަދި އޭނާ ބަންދުން ދޫކޮށްލާނަމަ އަޅަންޖެހޭކަމަށް ބަޔާންކޮށްފައިވާ ފިޔަވަޅުތަކާ ގުޅިގެން ހައިކޯޓުން އޭގެ ކުރިން ނިންމާފައިވާ ނިންމުންތަކަށް ރިއާޔަތްކުރުމަކާއި ނުލައި، ގޮތް ކަނޑައަޅާފައިވަނީ އަޙްމަދު މޫސާ މުޙައްމަދުގެ ޕާސްޕޯޓު ހިފެހެއްޓުމަށް 16 ޖޫން 2021 ގައި ކްރިމިނަލް ކޯޓުން ނެރެފައިވާ އަމުރުގައި15 ބަޔާންކޮށްފައިވާ ސަބަބަށް16 އެކަނި ބެލުމަށް ފަހުގައި ކަމަށް ދައުލަތުން ބުނެއެވެ. މީގެ އިތުރުން، ކްރިމިނަލް ކޯޓުން އަޙްމަދު މޫސާ މުޙައްމަދުގެ ޕާސްޕޯޓު ދޫކޮށްލުމަށް އަމުރުކޮށްފައިވަނީ ހުށިޔާރުވެރި ފިޔަވަޅެއްގެ ގޮތުން ވަކި މުއްދަތަކަށް ކަމަށާއި، އެ މުއްދަތު ހަމަވުމުން ޕާސްޕޯޓު ހިފެހެއްޓިފައި އޮތް އޮތުން އިއާދަވާގޮތަށް ކަމަށް ހައިކޯޓުން ފާހަގަކޮށްފައިވެއެވެ.17

14. މީގެ އިތުރުން، މައްސަލައެއްގެ ނިންމުމަކީ އިންސާފުވެރި ނިންމުމެއް ނޫންކަމުގައި ޚަޞްމަކު ދެކޭ ކޮންމެ ފަހަރަކު، މަތީ މަރުޙަލާގެ ކޯޓުތަކުގެ ނިންމުންތަކުގައި ހުންނަ ފަނޑިޔާރުކަމުގެ ޒާތާގުޅޭ ސިފަތައް ބަޔާންކުރާ ޖުމުލަތަކަށް ހަވާލާދީ، އެއީ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ) އާ ޚިލާފު ނިންމުމެއް ކަމުގައި ބުނުމުން އިސްތިއުނާފުކުރުމުގެ އޮޅިގަނޑު ގިރާކުރެވޭކަމުގައި ބަލާނަމަ އެ އޮޅިގަނޑު ގިރާ ނުކުރެވޭނެ މައްސަލައެއް މަދުވާނެކަމަށާއި، އިސްތިއުނާފީ ނުކުތާ ބިނާވާންޖެހޭނީ ފަނޑިޔާރުގެ ނިންމުން އިންސާފުވެރި ނުވުމުގައި ޚިލާފުވި ޝަރުޢީ ނުވަތަ ޤާނޫނީ އުސޫލުގެ މައްޗަށްކަމުގައިވެސް ހައިކޯޓުން ބަޔާންކޮށްފައިވެއެވެ.18

15. އުސޫލެއްގެ ގޮތުން ހައިކޯޓުން އިސްތިއުނާފުކުރުމުގެ އޮޅިގަނޑާގުޅޭ ގޮތުން ފާހަގަކޮށްފައިވާ ކަންކަމަށް އަހުރެން އެއްބަސްވާހިނދު، ކްރިމިނަލް ކޯޓުން އަޙްމަދު މޫސާ މުޙައްމަދުގެ ޕާސްޕޯޓު ވަކި މުއްދަތަކަށް ދޫކޮށްލުމަށް އަމުރުކޮށްފައިވަނީ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ) އާ ޚިލާފަށް ކަމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ބުނެފައިވަނީ ކްރިމިނަލް ކޯޓުން އެ ނިންމުން ނިންމުމުގައި އަޙްމަދު މޫސާ މުޙައްމަދުގެ ބަންދާ ގުޅޭގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޤަޟިއްޔާތަކުން (ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2022/HC-B12/26 އަދި 2022/HC-B12/75 ޤަޟިއްޔާއިން) ނިންމާފައިވާ ނިންމުންތަކަށް ރިއާޔަތް ކޮށްފައިނުވާތީ ކަމުގައި ޕްރޮސިކިއުޓަރ ޖެނެރަލަށް ފެނިގެން ކަމުގައި އަހުރެންނަށް ފެނެއެވެ.

16. އެހެނީ، އަޙްމަދު މޫސާ މުޙައްމަދުގެ ބަންދާ ގުޅޭގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޤަޟިއްޔާތަކުގެ (ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2022/HC-B12/26 އަދި 2022/HC-B12/75 ޤަޟިއްޔާގެ) ނިންމުންތަކަށް ބެލުމުން، އަޙްމަދު މޫސާ މުޙައްމަދު ވޭތުވެދިޔަ ތަނުގައި އަމަލުކޮށްފައިވާ ގޮތުން، އޭނާގެ ޕާސްޕޯޓު ހިފެހެއްޓުމުގެ އިތުރަށް ކަފާލާތުގެ ދަށުން ނުވަތަ ކަނޑައެޅޭ ވަކިތަނަކަށް ގަވާއިދުން ހާޒިރުވާންޖެހޭ ފަދަ ފިޔަވަޅުތަކެއް އަޅައި، އަޙްމަދު މޫސާ މުޙައްމަދު ނުފިލާނެކަން ކަށަވަރު ކުރެވޭފަދަ ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށްފަހު މެނުވީ އޭނާ ދޫކޮށްލައިގެން ނުވާނެކަމުގައާއި،19 އަޙްމަދު މޫސާ މުޙައްމަދު ކަންކޮށްފައިވާ ގޮތުން، އޭނާގެ ޕާސްޕޯޓު ހިފެހެއްޓިނަމަވެސް އޭނާ ކޯޓަށް ހާޒިރުނުވެ ފިލާފާނެކަމުގެ އިހްތިމާލު ނެތިކޮށްލެވިދާނެކަމަށް ނުފެންނަ ކަމުގައާއި،20 އަޙްމަދު މޫސާ މުޙައްމަދު ފިލާފާނެކަމުގެ އިހްތިމާލު ވަރަށް ބޮޑަށް އޮތުމުން، އޭނާ ފިލައިގެން ދިއުން ހުއްޓުވުމަށް ޤާނޫނުގެ ތެރެއިން ކުރެވެން ހުރި ކަންކަން ކުރެވިފައިނެތްނަމަ، އޭނާއަކީ ބަންދުގައި ބަހައްޓަންޖެހޭ މީހެއްކަމުގައި21 ހައިކޯޓުން ބަޔާންކޮށްފައި އޮވެމެ، އަޙްމަދު މޫސާ މުޙައްމަދު އަމަލުކޮށްފައިވާ ގޮތުން އޭނާއަކީ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާގައި ބުނާ ޙާލަތުންކުރެ އޭނާ ފިލާފާނެކަމަށްޓަކައި ބަންދުގައި ބަހައްޓަންޖެހޭ މީހެއްކަމުގައި ކޯޓުން ކަނޑައަޅައި، އަޙްމަދު މޫސާ މުޙައްމަދު ބަންދުން ދޫކޮށްފައިވަނީ އޭނާ ފިލުމަށް އޮތް ފުރުސަތު ކުޑަކުރުމުގެ ގޮތުން ފިޔަވަޅުތަކެއް އެޅުމަށްފަހު ކަމުގައިވާހިނދު، އަޙްމަދު މޫސާ މުޙައްމަދު ފިލާފާނެކަމަށް ގަބޫލުކުރެވޭތީ އަޅާފައިވާ ފިޔަވަޅުތަކަށް ލުޔެއްދެވޭނެފަދަ ޙާލަތެއް މެދުވެރިވެފައިވާކަން ފާހަގަކުރުމެއްނެތި، ހައިކޯޓުން އަޙްމަދު މޫސާ މުޙައްމަދުގެ ބަންދާމެދު ނިންމާފައިވާ ބުނެވުނު މައްސަލަތަކުގައި ބަޔާންކޮށްފައިވާ ކަންކަމުގެ ޙުދޫދުގެ ބޭރުން ކްރިމިނަލް ކޯޓުން ނިންމުމެއް ނިންމުމަކީ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ) އާ ޚިލާފަށް ނިންމާ ނިންމުމަކަށްވެގެން ދާނެތީއެވެ.

17. ތެދެއްމެ، ތުހުމަތެއްގައި ހުންނަ މީހެއްގެ ޙާލަތު ބަދަލުވެއްޖެނަމަ، އެ ޙާލަތަށާއި ވަށައިގެންވާ ކަންކަމަށް ބެލުމަށްފަހު، އެ މީހަކާމެދު އަޅާފައިވާ ފިޔަވަޅުތަކަށް އެކަށީގެންވާ ބަދަލު ގެނައުމަކީ އޭގެ ޒާތުން ކަންކުރަންޖެހޭ ގޮތްކަމުގައިވާއިރު، އަޙްމަދު މޫސާ މުޙައްމަދަކީ ފިލައިގެން ދިއުމުގެ އިހްތިމާލު އޮތް މީހެއްކަމަށް އެއްފަހަރަށްވުރެ ގިނަ ފަހަރު މަތީ މަރުޙަލާގެ ކޯޓަކުން ކަނޑައަޅާފައިވާއިރު، އަޙްމަދު މޫސާ މުޙައްމަދު ފިލައިގެން ދިއުން ހުއްޓުމަށްޓަކައި އަޅާފައިވާ (ޕާސްޕޯޓު ހިފެހެއްޓުމުގެ) ފިޔަވަޅަށް ވަގުތީގޮތުންވެސް ލުޔެއް ދެވޭނީ ކަމާގުޅޭ ވާޤިއާތަކާއި ވަށައިގެންވާ ކަންކަމަށް ބަދަލެއް އައިސްގެން، އެ ތަފާތުވި ޙާލަތަކީ ކޮބައިކަމާއި، އޭގެ ސަބަބުން އަޙްމަދު މޫސާ މުޙައްމަދު ފިލައިގެން ގޮސްދާނެކަމަށް އޮތް އިހްތިމާލަށް ބަދަލު އަންނަނީ ކިހިނެއްކަން ބަޔާންކުރުމަށްފަހުއެވެ.22

18. ކްރިމިނަލް ކޯޓުގެ ނަންބަރު 145-B11/AM/2023/01 ނިންމުމުން އެނގެން އޮތްގޮތުން، އަޙްމަދު މޫސާ މުޙައްމަދުގެ ޕާސްޕޯޓު ހިފެއްޓި ޙާލަތު ބަދަލުވެފައިކަމަށް އެ ކޯޓުން ނިންމާފައިވަނީ (1) އަޙްމަދު މޫސާ މުޙައްމަދު މައިބަދައިގެ އޮޕަރޭޝަނެއް ކުރަން ޑޮކްޓަރު ލަފާދީފައިވާކަން އެނގެން އޮންނާތީއާއި؛ (2) މައިބަދައިގެ އޮޕަރޭޝަނަކީ އޭގެ ޒާތުން ސީރިއަސް އޮޕަރޭޝަނެއް ކަމަށް ބެލެވޭތީއާއި؛ (3) އަޙްމަދު މޫސާ މުޙައްމަދުގެ އާއިލާ ދިރިއުޅެނީ ސްރީލަންކާގައި ކަމަށް އަޙްމަދު މޫސާ މުޙައްމަދު މައުލޫމާތުދީފައި ވާތީއާއި؛ (4) އަޙްމަދު މޫސާ މުޙައްމަދުގެ ފަރާތުން މިހާތަނަށް ކޯޓަށާއި ޝަރީޢަތަށް އެއްބާރުލުން ދީފައިވާތީއެވެ. މި ސަބަބުތަކަކީ، ކަމާގުޅޭ ވާޤިއާތަކާއި ވަށައިގެންވާ ކަންކަމަށް ބެލުމުން، އަޙްމަދު މޫސާ މުޙައްމަދު ފިލައިގެން ދިއުން ހުއްޓުމަށްޓަކައި އަޅާފައިވާ (ޕާސްޕޯޓު ހިފެހެއްޓުމުގެ) ފިޔަވަޅަށް ބަދަލެއް ގެނައުމަށް ތަފާތު ޙާލަތެއް މެދުވެރިކުރުވާ، އަދި އޭގެ ސަބަބުން އަޙްމަދު މޫސާ މުޙައްމަދު ފިލައިގެން ގޮސްދާނެކަމަށް އޮތް އިހްތިމާލަށް ބަދަލުގެނުވާ ސަބަބުތަކެއްކަން ފުރަތަމަ ނަޒަރުން ނުބެލެވޭ ހިނދު، އަޙްމަދު މޫސާ މުޙައްމަދު ފިލައިގެން ގޮސްދާނެކަމަށް އޮތް އިހްތިމާލަށް ބަދަލު އައި ގޮތެއް ކްރިމިނަލް ކޯޓުގެ ނިންމުމުގައި ބަޔާންކޮށްފައިވާ ކަމުގައި އަހުރެން ނުދެކެމެވެ.

19. އެހެންކަމުން، ދައުލަތުން ހައިކޯޓަށްވެސް ހުށަހަޅާފައި އޮތްފަދައިން، ކްރިމިނަލް ކޯޓުން އަޙްމަދު މޫސާ މުޙައްމަދުގެ ޕާސްޕޯޓު ވަގުތީގޮތުން ދޫކޮށްލުމަށް ނިންމި ނިންމުމަކީ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ) އާ ޚިލާފަށް ނިންމާފައިވާ ނިންމުމެއް ކަމުގައާއި، އަދި ކްރިމިނަލް ކޯޓުގެ އެ ނިންމުން ޤާނޫނުއަސާސީއާ ޚިލާފުނުވާކަމަށް ހައިކޯޓުން ނިންމާފައިވަނީ އަޙްމަދު މޫސާ މުޙައްމަދުގެ ބަންދާ ގުޅޭގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޤަޟިއްޔާތަކުގައި (ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2022/HC-B12/26 އަދި 2022/HC-B12/75 ޤަޟިއްޔާ) ބަޔާންކޮށްފައިވާ ކަންކަމަށާއި، އެ ޤަޟިއްޔާތަކުން ދީފައިވާ އިރުޝާދުން ހައްލުކުރަން ބޭނުންވި ކަންކަން ކްރިމިނަލް ކޯޓުން އަޙްމަދު މޫސާ މުޙައްމަދުގެ ޕާސްޕޯޓު ވަގުތީގޮތުން ދޫކޮށްލުމަށް ނިންމި ނިންމުމުން ހައްލުވެފައިވާ ކަމާމެދު ވަށާޖެހޭ ގޮތެއްގައި ބެލުމެއް ނެތިކަމުގައި އަހުރެން ދެކެމެވެ.

ޕާސްޕޯޓު ދޫކޮށްލުމަށް ނިންމި ނިންމުމަށް ތާއީދުކޮށްފައިވަނީ ރަނގަޅަށްކަން ނުވަތަ ނޫންކަން

20. ސުޕްރީމް ކޯޓުގެ އިސްމާޢީލް ޝުޖާޢު ވ. ޔޫސުފް ރިޒާ [2021] SC 9823 މައްސަލައަށާއި ހައިކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އަޙްމަދު މޫސާ މުޙައްމަދު24 އަށް ޙަވާލާދީ ފަނޑިޔާރުން ނިންމާ ނިންމުންތަކުގައި ސަބަބު ބަޔާންކުރުމާއި އިންސާފު ޤާއިމުކުރުމަށް ޙަވާލާދީ ނުކުތާތަކެއް ހިމަނައި، އޭގެ ކުރިން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޤަޟިއްޔާތަކުން (ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2022/HC-B12/26 އަދި 2022/HC-B12/75 ޤަޟިއްޔާއިން) އަޙްމަދު މޫސާ މުޙައްމަދުގެ ބަންދާ ގުޅޭގޮތުން ނިންމާފައިވާ ނިންމުންތަކަކީ މާޒީގެ އަމަލުތަކަކަށް ބިނާވާ ތުހުމަތުތަކެއް ކަމުގައިވާތީ، އެ ކަންތައްތަކަކީ މައްސަލަ މައުޟޫޢީ ގޮތުން ބަލާ ފަނޑިޔާރުގެ ހައިސިއްޔަތުން ރިޢާޔަތް ކުރަންޖެހޭ ކަންތައްތައް ކަމުގައާއި،25 އެގޮތުން އެފަދަ މީހަކު ފިލާފާނެ ކަމަށް އޮތް އިހްތިމާލު ނައްތާލުމަށް ނުވަތަ ކުޑަކުރުމަށް ވިސްނަންޖެހޭ ކަމުގައާއި، އެފަދަ ކަންކަމަށް އަބަދުމެ ސަމާލުވާންޖެހޭ ކަމުގައި26 ބަޔާންކުރުމަށްފަހު، އަޙްމަދު މޫސާ މުޙައްމަދު އެދިފައިވާ ފަދައިން ކްރިމިނަލް ކޯޓުން އޭނާގެ ޕާސްޕޯޓު ހިފަހައްޓާފައި އޮތްއޮތުން ބާތިލުކުރުމުގެ ބަދަލުގައި ވަކި މުއްދަތަކަށް އޭނާގެ ޕާސްޕޯޓު ދޫކޮށް، އެ މުއްދަތު ހަމަވުމުން ޕާސްޕޯޓު ހިފެހެއްޓިފައި އޮތްއޮތުން އިއާދަވާގޮތަށް ނިންމުން ނިންމާފައިވަނީ ހުށިޔާރުވެރި ފިޔަވަޅެއްގެ ގޮތުގައި ކަމުގައި27 ފާހަގަކޮށްފައި އޮތް އޮތުމަށް ބަލާއިރު:

(ހ) ހުށަހަޅާފައިވާ މައްސަލައަކީ ފަނޑިޔާރަކަށް ލިބިފައިވާ އިޚްތިޔާރެއްގެ ދަށުން ނިންމާފައިވާ ނިންމުމެއް ކަމުގައިވާއިރު، އެ ނިންމުމަކީ އިންސާފުވެރި އަދި ސަބަބުވެރި ނިންމުމެއް ނޫންކަމުގައާއި، ފަނޑިޔާރު ނިންމުން ނިންމުމުގައި މައިގަނޑު ވާޤިޔާއަށް ރިއާޔަތް ނުކުރާކަމުގައި ބަޔާންކޮށްފައިވާ ނަމަވެސް، ޕްރޮސިކިއުޓަރ ޖެނެރަލް ވ. އޚމ

[2022] SC 3928 މައްސަލައިގެ 15 ވަނަ ނުކުތާގައި ބަޔާންކޮށްފައިވާ ފަދައިން، ދަށު ކޯޓުގެ ފަނޑިޔާރަށް ލިބިފައިވާ އިޚްތިޔާރެއްގެ ބޭނުން ހިފުމުގެ ތެރެއިން ނިންމާ ނިންމުމެއްގެ ތެރެއަށް އިސްތިއުނާފީ ކޯޓަކުން ވަންނަންޖެހޭފަދަ ހާލަތެއް ދައުލަތަށް ދެއްކިފައި ނުވާކަމުގައި ހައިކޯޓުގެ ނިންމުމުގެ އަޣްލަބިއްޔަތު ރައުޔުގައި ބަޔާންކޮށްފައިވީ ނަމަވެސް،29 އަޙްމަދު މޫސާ މުޙައްމަދުގެ ބަންދާ ގޮޅޭގޮތުން ހައިކޯޓުގެ ޤަޟިއްޔާ ތަކުގައި (ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2022/HC-B12/26 އަދި 2022/HC-B12/75 ޤަޟިއްޔާ) ނިންމާފައިވާ ނިންމުންތަކަށް ބެލުމުން، އަޙްމަދު މޫސާ މުޙައްމަދުއަކީ ފިލާފާނެކަމުގެ އިހްތިމާލު އޮތް މީހެއްކަމުގައިވާތީ، އޭނާ ބަންދުން ދޫކުރުމުގައި އޭނާއަށް ނުފިލޭފަދަ ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް އެ ޤަޟިއްޔާތަކުން އިރުޝާދުދީފައިވުމުން، ހައިކޯޓުގެ ނިންމުމުގެ އަގައްލިޔަ ރައުޔުގައި ބަޔާންކޮށްފައިވާ ފަދައިން30 އަޙްމަދު މޫސާ މުޙައްމަދުގެ ޕާސްޕޯޓު ދޫކޮށްލުމުގައި އޭނާއަށް ނުފިލޭފަދަ އެއްވެސް ފިޔަވަޅެއް އަޅާފައި ނެތުމުން، ކްރިމިނަލް ކޯޓުން އަޙްމަދު މޫސާ މުޙައްމަދުގެ ޕާސްޕޯޓު ދޫކޮށްލުމުގައި ގޮތް ނިންމާފައިވަނީ އެ މައްސަލަ ނިންމުމުގައި ރިޢާޔަތްކުރަންޖެހޭ ކަންކަމަށް ރިޢާޔަތްކުރުމަކާ ނުލާކަމުގައި އަހުރެންވެސް ދެކެމެވެ. އަދި އެހެންކަމުން މިއީ ޕްރޮސިކިއުޓަރ ޖެނެރަލް ވ. އޚމ [2022] SC 3931 ގެ 15 ވަނަ ޕެރެގްރާފްގައި ބަޔާންކޮށްފައިވާ ޙާލަތުންކުރެ ޙާލަތެއް ކަމުގައިވާތީ، މި މައްސަލައާ ގުޅިގެން ދަށު ކޯޓުގެ ފަނޑިޔާރަށް ލިބިގެންވާ އިޚްތިޔާރުގެ ދަށުން ނިންމާފައިވާ ނިންމާމެދު އިސްތިއުނާފީ ކޯޓަށް ވަދެ ބަސްބުނެވޭނެ ކަމުގައިވެސް އަހުރެން ދެކެމެވެ.

(ށ) (މި ރައުޔުގެ 17 އަދި 18 ވަނަ ޕެރެގްރާފްގައި ބަޔާންކޮށްފައިވާ ފަދައިން) ކްރިމިނަލް ކޯޓުން އަޙްމަދު މޫސާ މުޙައްމަދުގެ ޕާސްޕޯޓު ވަގުތީގޮތުން ދޫކޮށްލުމަށް ނިންމި ނިންމުމަކީ ކަމާގުޅޭ ވާޤިއާތަކާއި ވަށައިގެންވާ ކަންކަމަށް ބެލުމުން، ހައިކޯޓުގެ ޤަޟިއްޔާ ތަކުގައި (ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2022/HC-B12/26 އަދި 2022/HC-B12/75 ޤަޟިއްޔާ) ދީފައިވާ އިރުޝާދުގެ ދަށުން އަޙްމަދު މޫސާ މުޙައްމަދު ފިލައިގެން ދިއުން ހުއްޓުމަށްޓަކައި އަޅާފައިވާ (ޕާސްޕޯޓު ހިފެހެއްޓުމުގެ) ފިޔަވަޅަށް ބަދަލެއް ގެނައުމަށް ތަފާތު ޙާލަތެއް މެދުވެރިކުރުވާ، އަދި އޭގެ ސަބަބުން އަޙްމަދު މޫސާ މުޙައްމަދު ފިލައިގެން ގޮސްދާނެކަމަށް އޮތް އިހްތިމާލަށް ބަދަލު ގެނުވާ ސަބަބުތަކެއް ހުރެގެން ނިންމި ނިންމުމެއްކަން އެނގެން ނެތެވެ.

(ނ) އަޙްމަދު މޫސާ މުޙައްމަދުގެ ޕާސްޕޯޓު ވަގުތީގޮތުން ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން ނިންމި ސަބަބުތަކުގެ ތެރެއިން އަޙްމަދު މޫސާ މުޙައްމަދު މައިބަދައިގެ އޮޕަރޭޝަނެއް ކުރަން ޑޮކްޓަރު ލަފާދީފައިވާކަމުގައާއި އަދި މައިބަދައިގެ އޮޕަރޭޝަނަކީ އޭގެ ޒާތުން ސީރިއަސް އޮޕަރޭޝަނެއްކަމަށް ބުނެ ބަޔާންކޮށްފައިވާ ސަބަބުތަކަށް ބަލާއިރު، މައިބަދައާ ގުޅިގެން އަޙްމަދު މޫސާ މުޙައްމަދު ޑޮކްޓަރަށް ދައްކާފައިވާކަން އެނގެން އޮތީ 24 ޖޫން 2021 ގައާއި،

22 ސެޕްޓެންބަރު 2021 ގައާއި، 01 ނޮވެންބަރު 2021 ގައާއި، 24 މާރިޗު 2022 ގައާއި، 28 ނޮވެންބަރު 2023 ގައިކަން އޭނާގެ ފަރާތުން ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ލިޔެކިޔުމުން އެނގެން އޮވެއެވެ. އޭގެ ތެރެއިން އަޙްމަދު މޫސާ މުޙައްމަދު ބަންދުން ދޫކޮށްލި ދުވަހުގެ (20 މާރިޗު 2022 ގެ) ފަހުން އޭނާ ޑޮކްޓަރަށް ދައްކާފައިވަނީ 24 މާރިޗު 2022 ގައާއި، 28 ނޮވެންބަރު 2023 ގައެވެ. އަދި 28 ނޮވެންބަރު 2023 ގައި އަޙްމަދު މޫސާ މުޙައްމަދަށް ޑޮކްޓަރ ދޫކޮށްފައިވާ ލިޔުމަށް ބަލާއިރު، އަޙްމަދު މޫސާ މުޙައްމަދުގެ މައިބަދައިގެ ޑިސްކުތަކެއް ޕްރޮލެޕްސްވެފައި ނުވަތަ ފިތިފައިވާކަމަށް ބެލެވޭތީ، އެމް.އާރ.އައި ސްކޭނެއް އަދި އެކްސް-ރޭއެއް ހެދުމަށްފަހު ސަރޖަރީއަކަށް ތައްޔާރުވުމުގެ ކަންކަން ކުރަންޖެހޭކަމަށް ބަޔާންކޮށްފައިވެއެވެ.32 ޑޮކްޓަރުގެ ފަރާތުން ދޫކޮށްފައިވާ ލިޔުމަށް ބެލުމުން، ސަރޖަރީއެއް ހަދަންޖެހޭނަމަ، އެކަން ކުރުމުގެ ކުރިން އަޅަންޖެހޭ ފިޔަވަޅުތަކެއް (އެމް.އާރ.އައި ސްކޭނެއް އަދި އެކްސް-ރޭއެއް ހެދުން) ބަޔާންކޮށްފައި ހުރިކަން ސާފުކޮށް އެނގެން އޮވެއެވެ. ކަން އޮތީ މިހެންކަމުގައިވާއިރު، 24 މާރިޗު 2022 ގައި އަޙްމަދު މޫސާ މުޙައްމަދު ޑޮކްޓަރަށް ދެއްކިއިރުވެސް ހަމަ އެ ފިޔަވަޅުތައް (އެމް.އާރ.އައި ސްކޭނެއް އަދި އެކްސް-ރޭއެއް ހެދުން) އެޅުމަށް ހަމަ އެ ޑޮކްޓަރު ލަފާދީފައިވާކަން އެނގެން އޮވެއެވެ. އެހެންނަމަވެސް، ޑޮކްޓަރަށް ދެއްކުމުގެ އިތުރުން، ޑޮކްޓަރ ލަފާދީފައިވާ ފަދައިން އަޙްމަދު މޫސާ މުޙައްމަދު އެމް.އާރ.އައި ސްކޭނެއް އަދި އެކްސް-ރޭއެއް ހަދާފައިވާކަން އެނގެން ނެތެވެ. އެހެންކަމުން، ސިއްހީ އިލްމު އެނގިނެތް މީހެއްގެ ހައިސިއްޔަތުން މިކަމުގެ މައްޗަށް ބަލާއިރު، 28 ނޮވެންބަރު 2023 ގައި އަޙްމަދު މޫސާ މުޙައްމަދު ހުރި ޙާލަތަކީ އޭނާ ސަރޖަރީއެއް ހެދުމަށް ވަގުތު ކުޑަތަންވެފައި އޮތް ޙާލަތެއް ކަމުގައި ބެލެވެން އޮތްކަމުގައި ނުދެކެމެވެ. އޭގެ އިތުރުން، އަޙްމަދު މޫސާ މުޙައްމަދު އެހިނދުގައި ސަރޖަރީއެއް ހަދަން ޖެހޭކަމުގައި ބަހުސްގެ ބޭނުމަށް ބެލިނަމަވެސް، އެއީ ޖިނާއީ މައްސަލައެއްގައި ފިލާފާނެކަމުގެ ބިރު އޮތް ފަރާތެއް ވަކި ފިޔަވަޅުތަކެއް އެޅުމަށްފަހު މުޖްތަމަޢަށް ދޫކޮށްލާފައި ހުރި ޙާލަތެއްގައި، އޭނާ ފިލާފާނެކަމުގެ އިހްތިމާލު ނެތިކުރުވާ ނުވަތަ އެ އިހްތިމާލަށް ބަދަލެއް ގެނުވާ ސަބަބެއް ކަމުގައިވެސް އަހުރެން ނުދެކެމެވެ.

(ރ) އަޙްމަދު މޫސާ މުޙައްމަދުގެ ޕާސްޕޯޓު ވަގުތީގޮތުން ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން ނިންމި ސަބަބުތަކުގެ ތެރޭގައި އޭނާގެ އާއިލާ ސްރީލަންކާގައި ދިރިއުޅުން ހިމެނޭކަމަށް ބަޔާންކޮށްފައިވެއެވެ. އަޙްމަދު މޫސާ މުޙައްމަދުގެ ޕާސްޕޯޓު ހިފަހައްޓާފައި އޮތީ އޭނާ ފިލާފާނެކަމުގެ އިހްތިމާލު އޮތުމުން ކަމުގައިވާހިނދު، އަޙްމަދު މޫސާ މުޙައްމަދުގެ އާއިލާ ސްރީލަންކާގައި ދިރިއުޅުމަކީ އޭނާ ފިލާފާނެ ކަމަށް އޮތް އިހްތިމާލަށް ކޮންގޮތަކުން އަސަރުކުރުވާ ކަމެއްކަން ސާފެއް ނޫނެވެ. މިތަނުގައި ކްރިމިނަލް ކޯޓުގެ ފަނޑިޔާރު މިފަދައިން ފާހަގަކޮށްފައިވަނީ އަޙްމަދު މޫސާ މުޙައްމަދު ސަރޖަރީއެއް ހަދަންޖެހިއްޖެނަމަ، އޭނާއަށް އެހީތެރިވެދެވޭނީ އޭނާގެ އާއިލާއަށް ކަމުގައި ބަލައިގެން ކަމުގައި އަހުރެންނަށް އިފްތިރާޟުކުރެވެއެވެ. އެހެންނަމަވެސް، އަޙްމަދު މޫސާ މުޙައްމަދު ބުނާ ބުނުމެއްގެ މައްޗަށް ބިނާކޮށް އޭނާގެ އާއިލާ ދިރިއުޅެނީ ސްރީލަންކާގައި ކަމުގައި ބަލައި، އެކަން ކަށަވަރުކުރުމަކާ ނުލައި އަދި ދިވެހިރާއްޖޭގައި އޭނާއަށް އެހީތެރިކަމެއް ފޯރުކޮށްދޭނެ އެހެން ފަރާތެއް ހުރިކަން ނުވަތަ ނޫންކަން ބެލުމެއްނެތި، މިއީ އަޙްމަދު މޫސާ މުޙައްމަދުގެ ޕާސްޕޯޓު ވަގުތީގޮތުން ދޫކޮށްލުމަށް އޮތް ސަބަބެއް ކަމުގައި ބަލައިގެން ކުރިއަށް ދިއުމަކީ އަޙްމަދު މޫސާ މުޙައްމަދުގެ ޕާސްޕޯޓު ހިފަހައްޓަން މެދުވެރިވި ސަބަބަށް ނުވަތަ އެ ޙާލަތަށް ބަދަލެއް ގެނުވާ ސަބަބެއްކަމުގައި އަހުރެން ނުދެކެމެވެ.

(ބ) އަޙްމަދު މޫސާ މުޙައްމަދުގެ ފަރާތުން ކޯޓަށާއި ޝަރީޢަތަށް އެއްބާރުލުން ދީފައިވުމަކީވެސް އޭނާގެ ޕާސްޕޯޓު ވަގުތީގޮތުން ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން ނިންމި ސަބަބުތަކުގެ ތެރޭގައި ހިމެނޭކަމެކެވެ. ކޯޓަށް އެއްބާރުލުން ދިނުމަކީ އޭގެގެ ޒާތުން ކުރަންޖެހޭ ކަމެއް ކަމުގައިވާއިރު، އޭނާ ކުރިން އަމަލުކޮށްފައިވާ ގޮތުގެ އަލީގައި އޭނާއަކީ ފިލާފާނެކަމުގެ އިހްތިމާލު އޮތްމީހެއް ކަމުގައި ބެލެވިފައިވާއިރު، އަޙްމަދު މޫސާ މުޙައްމަދު ކޯޓަށް އެއްބާރުލުން ދީފައިވާ ގޮތްތައް ބަޔާންކުރުމެއް ނެތި، އޭނާގެ ފަރާތުން ކޯޓަށް އެއްބާރުލުން ދޭކަމުގައި ބަޔާންކޮށް އޭނާގެ ޕާސްޕޯޓު ވަގުތީ ގޮތުން ދޫކޮށްލުމަށް ނިންމުމާއި، އަޙްމަދު މޫސާ މުޙައްމަދު ފިލާފާނެކަމުގެ އިހްތިމާލު ނެތި ދިއުމާއި އޮތީ ކޮންގުޅުމެއްކަން އަދި އޭނާގެ ފަރާތުން ކޯޓަށް އެއްބާރުލުން ދިނުމުން އެ އިހްތިމާލަށް ބަދަލު އަންނަނީ ކިހިނެއްކަން ސާފުވާކަމުގައި ނުދެކެމެވެ.

(ޅ) އަޙްމަދު މޫސާ މުޙައްމަދުގެ ޕާސްޕޯޓު ހިފަހައްޓާފައި އޮތްއޮތުން ބާތިލުކުރުމުގެ ބަދަލުގައި ވަކި މުއްދަތަކަށް އޭނާގެ ޕާސްޕޯޓު ދޫކޮށް، އެ މުއްދަތު ހަމަވުމުން ޕާސްޕޯޓު ހިފެހެއްޓިފައި އޮތްއޮތުން އިއާދަވާގޮތަށް ކްރިމިނަލް ކޯޓުން ނިންމާފައިވަނީ ހުށިޔާރުވެރި ފިޔަވަޅެއްގެ ގޮތުގައި ކަމުގައި ހައިކޯޓުން ބަޔާންކޮށްފައިވާއިރު، އަޙްމަދު މޫސާ މުޙައްމަދުގެ ޕާސްޕޯޓު ވަކި މުއްދަތަކަށް ދޫކުރުމުން އޭނާ ފިލާފާނެކަމަށް އޮތް އިހްތިމާލު ނެތިދާގޮތެއް އަހުރެންނަށް ފަހުމެއް ނުވެއެވެ. އެހެނީ، ޕާސްޕޯޓު ވަކި މުއްދަތެއް ނެތްގޮތަށް ނުވަތަ ވަކި މުއްދަތަކަށް ދޫކުރިނަމަވެސް، އެ މީހެއްގެ އަމަލުން އޭނާއަކީ ފިލާފާނެކަމުގެ އިހްތިމާލު އޮތް މީހެއްނަމަ، އެއް ގަޑިއިރަށް ނުވަތަ އެއް ދުވަހަށް ނުވަތަ އެއް ހަފުތާއަށް ނުވަތަ އެކުއެކީގައި ޕާސްޕޯޓު ދޫކޮށްފިނަމަ، އެ މީހަކު ފިލުމުގެ އިހްތިމާލަށް ބަދަލެއް އަންނަގޮތް ބަޔާންކޮށް ނުދެވޭނަމަ، ބެލެވޭނީ އެ ހަޤީޤަތް އެގޮތުގައި ދެމި އޮންނާނެ ކަމުގައެވެ. އަދި ކުޑަ ހިނދުކޮޅެއްގެ ތެރޭގައިވެސް އެ މީހަކު ފިލާފާނެކަމަށް އިފްތިރާޟުކުރުމުގެ ފުރުސަތު ދެމި އޮންނާނެއެވެ. މިކަން މި މައްސަލައިގައި އިތުރަށް މުހިންމުވަނީ އަޙްމަދު މޫސާ މުޙައްމަދަކީ ޤާނޫނު ތަންފީޒުކުރާ ފަރާތްތަކުން އޭނާ ހޯދުމުގެ މަސައްކަތްތައް ކުރަމުން ދިޔައިރު، ވިސާއެއް ނެތި އަދި ޕާސްޕޯޓުގެ މުއްދަތު ހަމަވެފައި އޮވެމެ ސްރީލަންކާގައި އުޅުނު މީހެއްކަމުގައިވެފައި، ވަކި މުއްދަތަކަށް ޕާސްޕޯޓު ދޫކުރިނަމަވެސް، އެ ސަބަބަށްޓަކައި އޭނާ އަލުން ފިލައިގެން ދިއުމުގެ ފުރުސަތު ނެތްކަމުގައި ނުވަތަ އެ ރިސްކު ކުޑަކުރެވިފައިވާކަމުގައި ބެލެން ނެތުމުންނެވެ.

21. ފިލާފާނެ ކަމުގެ އިހްތިމާލު އޮތް މީހެއްގެ ޕާސްޕޯޓު ހިފަހައްޓާފައި އޮންނަ ޙާލަތުގައި، އެ މީހަކު ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދާން ބޭނުންވުމުގެ ސަބަބުން (ވަކި މުއްދަތަކަށް ނަމަވެސް) ޕާސްޕޯޓު ދޫކޮށްލަން އެދޭނަމަ، ފަނޑިޔާރު އެ ހުށަހެޅުމަށް ގޮތް ކަނޑައެޅުމުގައި އެންމެ ކުޑަމިނުން އަންނަނިވި ކަންކަމަށް ރިޢާޔަތްކުރަންޖެހޭ ކަމުގައި އަހުރެން ދެކެމެވެ.

(ހ) ކަމާގުޅޭ ވާޤިއާތަކާއި ވަށައިގެންވާ ކަންކަމަށް ބެލުމުން، އޭނާ ފިލާފާނެކަމަށް އޮތް އިހްތިމާލު ނައްތާލެވިފައިވާކަން ނުވަތަ ކުޑަކުރެވިފައިވާކަން.

(ށ) އެ މީހަކު ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދާން ބޭނުންވަނީ ރާއްޖެއިން ލިބެންނެތް ފަރުވާއެއް ހޯދުމަށްކަން.

(ނ) ރާއްޖެއިން ލިބެން ހުރި ފަރުވާއެއް ހޯދުމަށް މީހަކު ރާއްޖެއިން ބޭރަށްދާން އެދެނީ ކަމުގައިވަނީނަމަ، ރާއްޖެއިން ބޭރަށް ގޮސްގެން ފަރުވާ ހޯދުމުން އެ މީހަކަށް މެދުވެރިވެފައިވާ ކަމެއް ފަސޭހަވުމުގެ ނުވަތަ އެކަމަށް އެހެން ނޫންނަމަ ލިބޭނެ ތަސައްލީއަށް ބުރެ ބޮޑު ތަސައްލީއެއް ލިބުމުގެ ފުރުސަތު ބޮޑުކަމާމެދު ރާއްޖެއިން ބޭރަށްގޮސް ފަރުވާ ހޯދުމަށް ލަފާދޭ ޑޮކްޓަރާއި ހަސްމުންގެ ފަރާތުން ހުށަހަޅަން ބޭނުންވާ ޑޮކްޓަރުން ނުވަތަ ސިއްހީ ދާއިރާގެ ތަޖުރިބާކާރުން ޝަރީޢަތަށް ހާޒިރުވެ ދޭބަސް.

ނިންމުން އަދި ނަތީޖާ

22. އިސްވެ ބަޔާންކުރި ސަބަބުތައް އެފަދައިން ހުރުމުން، އަޙްމަދު މޫސާ މުޙައްމަދުގެ ޕާސްޕޯޓު ދޫކުރުމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުމަށް ހައިކޯޓުން ތާއީދުކޮށްފައިވަނީ ޤާނޫނީ އުސޫލުތަކާ އެއްގޮތަށް ކަމުގައި ނުދެކެމެވެ.

23. ކްރިމިނަލް ކޯޓުގެ ނަންބަރު 145-B11/AM/2023/01 ނިންމުމުން އަޙްމަދު މޫސާ މުޙައްމަދުގެ ޕާސްޕޯޓު ދޫކޮށްލުމަށް ނިންމާފައި އޮތީ 06 ޑިސެންބަރު 2023 ގެ 17:00 އިން ފެށިގެން 25 ޑިސެންބަރު 2023 ގެ 23:00 ގެ ނިޔަލަށް ކަމުގައިވާތީ، މި ކޯޓުން މި ނިންމުން ނިންމާއިރު، ބުނެވުނު އަމުރުގެ ބާރު ކެނޑި، ކްރިމިނަލް ކޯޓުގެ ނަންބަރު

145-B3(317-358-2021)/PH/2021/11 (16 ޖޫން 2021) އަމުރު އިއާދަވެ، އަޙްމަދު މޫސާ މުޙައްމަދު ފުރުން މަނާކުރުމުގެ އަމުރު ދެމި އެބައޮތެވެ. އެހެންކަމުން، މި ނިންމުމުގެ ނަތީޖާއަކީ މިއަދަށްފަހު އަޙްމަދު މޫސާ މުޙައްމަދު (ނުވަތަ އޭނާ ހުރި ހާލަތުގައި ހުރި އެހެން ފަރާތަކުންވެސް) ސިއްހީ ސަބަބުތަކަށްޓަކައި ރާއްޖެއިން ބޭރަށް ދަތުރުކުރުމަށް އެދިއްޖެނަމަ، މި ނިންމުމުގައިވާ ކަންކަމުގެ އަލީގައި އެފަދަ ހުށަހެޅުމާމެދު ގޮތް ކަނޑައަޅަން ޖެހުމެވެ.

ވަގުތީ އަމުރު

24. މި މައްސަލައިގައި ހިމެނޭ ކޯޓު އަމުރުގެ މުއްދަތު 26 ޑިސެންބަރު 2023 ގައި ހަމަވެފައިވާތީ، އެ އަމުރުގެ މުއްދަތު އިތުރުކުރުމަށްޓަކައި 27 ޑިސެންބަރު 2023 ގެ 13:00 ގައި ކްރިމިނަލް ކޯޓުގައި ތާވަލްކޮށްފައިވާތީއާއި، މި އަޑުއެހުމުގައި އަލުން އަޙްމަދު މޫސާ މުޙައްމަދު ފުރުމުގެ ހުއްދަ ދީފިނަމަ، އޭނާ ދިވެހިރާއްޖޭގެ އިޚްތިޞާޞް ނުލިބޭ ތަނަކަށް ފިލައިގެން ދިޔުމުގެ އިޙްތިމާލް އޮތް ކަމަށް ބަޔާންކޮށް ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ވަގުތީ އަމުރަކަށް އެދި ހުށަހަޅާފައިވެއެވެ.

25. ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން އިސްވެބުނެވުނު ފަދައިން ހުށަހަޅާފައިވާތީ އާއި އިސްތިއުނާފުކޮށްފައިވާ އަމުރާމެދު ގޮތެއް ކަނޑައެޅުމުގެ ކުރިން އަޙްމަދު މޫސާ މުޙައްމަދު ފުރައިގެން ދިއުން މަނާ ނުކޮށްފިނަމަ، ހައިކޯޓުގެ ނަންބަރު 2023/HC-B12/81 ޤަޟިއްޔާއިން ތާއީދުކޮށް ނިންމާފައިވާ ނިންމުން ސުޕްރީމް ކޯޓުން ބާޠިލުކުރުމަށް ނިންމާ ޙާލަތުގައި، ސުޕްރީމް ކޯޓުގެ ނިންމުމުގެ ބާރުވެރިކަން ނުހިނގާފަދަ ޙާލަތެއް ކުރިމަތިވުމުގެ އިހުތިމާލު އޮތަތީ، މި މައްސަލައިގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ވަކި ގޮތެއް ކަނޑައަޅަންދެން، ނުވަތަ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ވަކިގޮތަކަށް އަންގަންދެން، އަޙްމަދު މޫސާ މުޙައްމަދުގެ ޕާސްޕޯޓު ހިފަހައްޓައި، އަޙްމަދު މޫސާ މުޙައްމަދުއަށް ދިވެހިރާއްޖެއިން ބޭރަށް ދެވޭގޮތަށް އިތުރު އަމުރުތަކެއް ނުނެރުމަށް ކްރިމިނަލް ކޯޓަށާއި ކަމާބެހޭ އެންމެހާ ފަރާތްތަކަށް އަންގައި، 03 ޖަނަވަރީ 2024 ގައި މި ކޯޓުގެ ނަންބަރު

2024/SC-B6/VA/01 ވަގުތީ އަމުރުނެރެފައިވެއެވެ. އަދި މި މައްސަލައިގައި ފައިސަލާކުރުމުން، ސުޕްރީމް ކޯޓުން ނެރެފައިވަ ބަޔާންކުރެވުނު ވަގުތީ އަމުރުގެ ބާރު ކެނޑިގެން ދާނެއެވެ.

ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުގެ ރައުޔު

26. މި މައްސަލައިގައި ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔަށާއި، ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރައުޔު

27. ކުށެއްގެ ތުހުމަތުގައި ކޯޓެއްގައި ދައުވާ އުފުލުމަކީ ސީރިއަސް ކަމެކެވެ. ޖިނާއީ މައްސަލައެއްގައި ދައުވާލިބޭ މީހަކު ދިވެހިރާއްޖެއިން ބޭރަށް ފުރައިގެން ގޮސް ފިލައިފިނަމަ ޖިނާއީ އަދުލުގެ ނިޒާމު ވާގި ނެތި އަދުލުއިންސާފު ގާއިމު ކުރުމަށް ހުރަސް އެޅޭނެއެވެ. އެހެންކަމުން އެކަން އެހެން ވިޔަ ނުދިނުމަށް ދައުލަތުން ފިޔަވަޅު އަޅަންޖެހެއެވެ. ގާނޫނުލްއުގޫބާތުގެ 22 ވަނަ މާއްދާގައި ބަޔާންކުރާ ޖިނާއީ މައްސަލައެއްގެ ދައުވާ ކޯޓަށް ހުށަހެޅުމާއެކު ދައުވާލިބޭ ފަރާތް ދިވެހިރާއްޖެއިން ބޭރަށް ދިއުން މަނާކުރުމަށް ކޯޓުން މޯލްޑިވްސް އިމިގްރޭޝަންއަށް އެންގުމާއެކު އެފަދަ މީސްމީހުން ބްލެކްލިސްޓުކުރެވި އެފަދަ މީސްމީހުން ރާއްޖެއިން ބޭރަށް ނުފުރޭނެ ގޮތް ހެދުމަކީ މޯލްޑިވްސް އިމިގްރޭޝަންގެ ޒިއްމާއެކެވެ. ޖިނާއީ ބޮޑު މައްސަލައެއްގައި ދައުވާލިބޭ މީހެއްގެ މައްސަލަ އިސްތިއުނާފީ މަރުހަލާތަކުން ނިމެންދެން އެމީހަކު ރާއްޖެއިން ބޭރަށް ފުރުން މަނާވެފައި އޮންނަ އޮތުން ދަމަހައްޓަންޖެހޭނެ ކަމަށް ދެކެމެވެ. ޖިނާއީ ބޮޑު މައްސަލައެއްގެ ޝަރީއަތުގެ މަރުހަލާގައި ދައުވާލިބޭ މީހެއްގެ ބޭސްފަރުވާއަށް ދިވެހިރާއްޖެއިން ބޭރަށް ފުރުމުގެ ހުއްދަ ދޭންވާނީ އެ ފަރުވާއަކީ ދިވެހިރާއްޖެއިން ލިބެންނެތް ބޭސްފަރުވާއެއް ކަމަށް ޑޮކްޓަރަކު ޝަރީއަތުގެ މަޖިލީހަށް ހާޒިރުވެ ދޭ ރައުޔެއްގެ މައްޗަށް ބިނާކޮށް އެ ރައުޔާމެދު ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ދެކޭ ގޮތް ސާފުކުރުމަށްފަހުގައި، އެ މީހަކު ބޭސްފަރުވާ ނިމުމުން އެނބުރި ދިވެހިރާއްޖެއަށް އަންނާނެކަން ކަށަވަރުކުރުމަށް ޝަރުތުކޮށްފައެވެ. އެގޮތުން ކަނޑައެޅޭ ޝަރުތުތަކުގެ ތެރޭގައި ކަފާލާތުގެ ގޮތުގައި ދައުވާގައި ހިމެނޭ ފައިސާގެ އަދަދާ އެއްވަރުގެ ފައިސާގެ އަދަދެއް ނުވަތަ ބޭންކް ގަރަންޓީއެއް ނުވަތަ ބޮންޑެއް ބެހެއްޓުމަށް ޝަރުތުކުރުމުގެ އިޚްތިޔާރު ކޯޓަށް ލިބިގެންވެއެވެ. މިގޮތުން ކަނޑައަޅާ ޝަރުތަކީ ޕްރޮސިކިއުޓަރ ޖެނެރަލް ގަބޫލުކުރާ ޝަރުތެއް ކަމަށް ވާންޖެހޭނެއެވެ. ބޭސް ފަރުވާއަށް ނޫން ބޭނުމަކު ޖިނާއީ ބޮޑު ކުށެއްގައި ދައުވާލިބޭ އެއްވެސް މީހަކު ދިވެހިރާއްޖެއިން ބޭރަށް ދިއުމުގެ ހުއްދަ ކޯޓުން ދޭންވާނީ އެކަމަށްޓަކައި ޖިނާއީ އިޖުރާއަތުގެ ގަވާއިދުގައި ކަނޑައަޅާފައިވާ އުސޫލަކާ އެއްގޮތަށް ޕްރޮސިކިއުޓަރ ޖެނެރަލް އެކަމަށް އިއުތިރާޒު ނުކުރާނަމައެވެ.

28. މި މައްސަލައިގައި ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

ޙުކުމް

ދެންފަހެ، އިސްވެ ބަޔާންކުރެވުނު ސަބަބުތައް އެހެން ހުރުމުން، ކްރިމިނަލް ކޯޓުގެ ނަންބަރު

145-B11/AM/2023/01 ނިންމުމަށް ތާއިދުކޮށް ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައިވާ އެ ކޯޓުގެ ނަންބަރު 2023/HC-B12/81 ޤަޟިއްޔާއިން ކޮށްފައިވާ ޙުކުމަކީ ޤާނޫނީ އުސޫލުތަކާ ޚިލާފަށް ކޮށްފައިވާ ޙުކުމެއް ކަމުގައި ކަނޑައަޅައި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2023/HC-B12/81 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމް ބާޠިލުކޮށް، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި ޤަޟިއްޔާ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމްކޮށްފީމެވެ.

މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ: މަޙާޒު ޢަލީ ޒާހިރު ޢާއިޝާ ޝުޖޫން މުޙައްމަދު ޙުސްނުއްސުޢޫދު (ރިޔާސަތު)

1 ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2021/HC-B12/26 ގަޟިއްޔާ

2 ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2021/HC-B12/75 ގަޟިއްޔާގެ ޕެރެގްރާޕް 4

3 ކްރިމިނަލް ކޯޓުގެ ނަންބަރު 145-B3(317-358-2021)/MA/2021/01 ކޯޓު އަމުރު (20 އޮކްޓޫބަރު 2021)

4 ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2021/HC-B12/75 ގަޟިއްޔާ

5 ކްރިމިނަލް ކޯޓުގެ ނަންބަރު 145-B3(317-358-2021)/MA/2022/02 ކޯޓު އަމުރު (20 މާރިޗު 2022)

6 ކްރިމިނަލް ކޯޓުގެ ނަންބަރު 145-B3(317-358-2021)/PH/2021/11 ކޯޓު އަމުރު (16 ޖޫން 2021)

7 ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2021/HC-B12-02/1 ގަޟިއްޔާ

8 ކްރިމިނަލް ކޯޓުގެ ނަންބަރު 145-B11(317-358-2021)/PD/2023/01 ކޯޓު އަމުރު (06 ޑިސެންބަރު 2021)

9 ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2022/SC-A/51 ޤަޟިއްޔާ

10 ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2022/HC-B12/26 އަދި 2022/HC-B12/75 ޤަޟިއްޔާ

11 އބމ 9

12 އބމ 9

13 އބމ 9

14 އބމ 10

15 އމބ 6

16 ކްރިމިނަލް ކޯޓުގެ ނަންބަރު 145-B3(317-358-2021)/PH/2021/11 ކޯޓު އަމުރުގައި އަޙްމަދު މޫސާ މުޙައްމަދު ދިވެހިރާއްޖޭގައި މަޑުކުރުވަން ބޭނުންވާ ސަބަބެއްގެ ގޮތުގައި ބަޔާންކޮށްފައިވަނީ "ދައުލަތުން އަޙްމަދު މޫސާ މުޙައްމަދުގެ މައްޗަށް ދަޢުވާކޮށްފައިވާ ޚިޔާނަތްތެރިވުމުގެ ކުށުގެ މައްސަލައިގެ ޝަރީޢަތް ހިންގުމަށްޓަކައި" މިފަދައިންނެވެ.

17 ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2023/HC-B12/81 ޤަޟިއްޔާގެ 23 ވަނަ ޕެރެގްރާފް.

18 އބމ ގެ 18 ވަނަ ޕެރެގްރާފް.

19 ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2021/HC-B12/26 ޤަޟިއްޔާގެ 41 ވަނަ ޕެރެގްރާފް.

20 ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2021/HC-B12/26 ޤަޟިއްޔާގެ 46 ވަނަ ޕެރެގްރާފް.

21 ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2021/HC-B12/75 ޤަޟިއްޔާގެ 72 އަދި 76 ވަނަ ޕެރެގްރާފް.

22 މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ ވ. މޯލްޑިވްސް ކޮލިޓީ ސީފުޑް ޕްރައިވެޓް ލިމިޓެޑް [2021] SC 60 (ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2021/SC-A/28 ޤަޟިއްޔާ(

23 ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2020/SC-A/44 ޤަޟިއްޔާ.

24 ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2021/HC-B12/75 ޤަޟިއްޔާ.

25 އބމ 17 ގެ 22 ވަނަ ޕެރެގްރާފް.

26 އބމ 17 ގެ 23 ވަނަ ޕެރެގްރާފް.

27 އބމ 17 ގެ 23 ވަނަ ޕެރެގްރާފް.

28 ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2022/SC-A/51 ޤަޟިއްޔާ.

29 އބމ ގެ 30 އަދި 32 ވަނަ ޕެރެގްރާފް.

30 އބމ ގެ 35 ވަނަ ފެރެގްރާފުން 38 ވަނަ ޕްރެގްރާފްގެ ނިޔަލަށް.

31 އބމ

32 އޭ.ޑީ.ކޭ ހޮސްޕިޓަލުން ޑރ. ކިރަން ނިރައުލާ (ކޮންސަލްޓަންޓް އިން ނިއުރޯސަރޖަރީ) ގެ ފަރާތުން ދޫކޮށްފައިވާ ލިޔުމުގައި އަޙްމަދު މޫސާ މުޙައްމަދުގެ ސިއްޚީ ހާލަތާގުޅޭގޮތުން ބަޔާންކޮށްފައި އޮންނަނީ އަންނަނިވި ފަދައިންނެވެ (ރޮނގުބުރި އިތުރުކޮށްފައި).

This is to certify that the above mentioned patient is a case of L4-5 prolapsed disc causing lower back pain, numbness of both legs associated with leg pain (right more), currently under medical management.

He is advised to undergo L4-5 laminectomy and discectomy (fusion might be needed).

He needs to repeate MRI lumbar spine and do dynbamic x ray lumbar spine before planning surgery.

2024/SC-A/01 [2024] SC 01

2024/SC-A/01 [2024] SC 01

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ޝެއަރ ކުރައްވާ