ސިވިލް ސަރވިސް ކޮމިޝަން ވ. މުޞްޢަބު ޢަބްދުﷲ
ޚުލާޞާ
ޚުލާޞާ ނެތް.
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- —
- ފަހުގެ ތާރީޚު
- —
ނިންމުން
—
ކޯ ޓާމްސް
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
މި ލިޔުމުން އުޞޫލެއް ނުނެގުނު.
ފަނޑިޔާރުން
- ބެންޗު
- —
- ޚިލާފު ރައުޔު
- ނެތް
ޝަރީޢަތުގެ ވީޑިއޯ
- ▶ ޝަރީޢަތުގެ އަޑުއެހުން 1
- ▶ ޝަރީޢަތުގެ އަޑުއެހުން 2
- ▶ ޝަރީޢަތުގެ އަޑުއެހުން 3
- ▶ ޝަރީޢަތުގެ އަޑުއެހުން 4
- ▶ ޝަރީޢަތުގެ އަޑުއެހުން 5
- ▶ ޝަރީޢަތުގެ އަޑުއެހުން 6
- ▶ ޝަރީޢަތުގެ އަޑުއެހުން 7
- ▶ ޙުކުމް އިއްވުން
ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު [2024] SC 02 2022/SC-A/100 ޝަރީޢަތް ނިމުނުގޮތް ސިވިލް ސަރވިސް ކޮމިޝަން ވ. މުޞްޢަބު ޢަބްދުﷲ ފަނޑިޔާރުންގެ މަޖިލިސް ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދު ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރު ނިމުނު ތާރީޚު 24 ޖަނަވަރީ 2024
އިސްތިއުނާފު ކުރެވުނު ޤަޟިއްޔާ 2021/HC-A/46 އިސްތިއުނާފު ރައްދުވާ ފަރާތް އިސްތިއުނާފުކުރާ ފަރާތް މުޞްޢަބް ޢަބްދުﷲ، ދަފްތަރު ނަންބަރު ރސ.9278 / މާލެ ސިވިލް ސަރވިސް ކޮމިޝަން ޤާނޫނީ ވަކީލު: މުޙައްމަދު ފައިޞަލް، ފައިސަލް އެންޑް ކޯ އެލް.އެލް.ޕީ ޤާނޫނީ ވަކީލު: ކައުންސެލް ޖެނެރަލް އިބްރާހީމް ރަޝީދު
ވަޒީފާއާބެހޭ - ޤާނޫނާ ޚިލާފަށް ވަޒީފާއިން ވަކިކުރުން - މަޢުޟޫޢީ ޢަދުލުވެރިކަން - ބަދަލުގެ މިންވަރު
ފިހުރިސްތު
ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔު 1
ތަޢާރުފު 1
ކަންހިނގާފައިވާ ގޮތް 1
ސިވިލް ކޯޓުގެ ނަންބަރު 3684/Cv-C/2019 ޤަޟިއްޔާ 3
ހައިކޯޓުގެ ނަންބަރު 2021/HC-A/46 ޤަޟިއްޔާ 5
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފައިވާ ނުކުތާތަކާއި އޭގެ ރައްދު 8
ސުޕްރީމް ކޯޓުން ގޮތް ކަނޑައަޅަންޖެހޭ ނުކުތާތައް 10
މައްސަލަ ތަޙްޤީޤުކުރުމާއި ވަޒީފާއިން ވަކިކުރި ސަބަބު 10
ފިޔަވަޅު އެޅުމާގުޅޭ ކަންކަން އިންތިޒާމުވެފައިވާ ގޮތް 15
މުޞްޢަބް ޢަބްދުﷲ ޓުވިޓަރގައި އާންމުކުރީ ކޮން ލިޔުމެއް؟ 19
ބަދަލުގެ މިންވަރު 22
ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ ރައުޔު 25
ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުގެ ރައުޔު 25
ޙުކުމް 25
` ސިވިލް ސަރވިސް ކޮމިޝަން ވ. މުޞްޢަބު ޢަބްދުﷲ [2024] SC 02 ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔު (ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު އަދި ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރު ތާއީދު ކުރައްވާފައި) ތަޢާރުފު
1. މިއީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2021/HC-A/46 ޤަޟިއްޔާ ނިންމާފައިވަނީ ޤާނޫނާ ޚިލާފަށް ކަމުގައި ބުނެ ސިވިލް ސަރވިސް ކޮމިޝަންގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅުމުން، މި ކޯޓުގެ ނަންބަރު 2022/SC-A/100 ޤަޟިއްޔާއިން ބެލި އިސްތިއުނާފީ މައްސަލައެކެވެ. މި ޤަޟިއްޔާގައި އިސްތިއުނާފު ރައްދުވަނީ ދަފްތަރު ނަންބަރު ރސ.9278 / މާލެ މުޞްޢަބު ޢަބްދުﷲ1 (މީގެ ފަހުން "އިސްތިއުނާފު ކުރާ ފަރާތް" ނުވަތަ "މުޞްއަބު ޢަބްދުﷲ"( އަށެވެ.
ކަންހިނގާފައިވާ ގޮތް
2. މުޞްޢަބް ޢަބްދުﷲ އަކީ 25 ޖުލައި 2017 އިން ފެށިގެން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ޕަރމަނަންޓް ސެކްރެޓަރީގެ މަޤާމު އަދާކުރުމުން ދިޔަ ފަރާތެކެވެ.2 މި ވަޒީފާ އަދާކުރަމުން ދަނިކޮށް، މުޞްޢަބް ޢަބްދުﷲ ގެ ވަޒީފާގެ ޒިންމާތަކާ ގުޅޭ 4 (ހަތަރެއް) މައްސަލައެއް ސިވިލް ސަރވިސް ކޮމިޝަނަށް ހުށަހެޅުނެވެ.
3. މި މައްސަލަތައް ސިވިލް ސަރވިސް ކޮމިޝަނުން ތަޙްޤީޤު ކުރަމުން ދިޔަ ދުވަސްތަކުގައި،
29 މޭ 2019 އިން ފެށިގެން މުސާރަ ނުލިބޭ ގޮތަށް 30 (ތިރީސް) ދުވަހުގެ މުއްދަތަށް މުޞްޢަބް ޢަބްދުﷲ އޮފީހަށް ނުކުތުން މަނާކޮށްފައިވެއެވެ. އަދި އެ މުއްދަތު ނިމުނު އިރުވެސް މައްސަލަތައް ތަޙްޤީޤުކޮށް ނިމިފައިނުވާތީ، 27 ޖޫން 2019 އިން ފެށިގެން މުސާރަ ނުލިބޭ ގޮތަށް ތަފާތު
4 (ހަތަރެއް) ފަހަރެއްގެ މަތީން މުޞްޢަބް ޢަބްދުﷲ އޮފީހަށް ނުކުތުން މަނާކޮށްފައި އޮތް މުއްދަތު އިތުރުކޮށްފައިވެއެވެ.
4. މުޞްޢަބް ޢަބްދުﷲ ގެ މައްޗަށް ތުހުމަތުކޮށް ސިވިލް ސަރވިސް ކޮމިޝަނަށް ހުށަހަޅާފައިވާ މައްސަލަތައް ތަޙްޤީޤު ކުރުމަށްފަހު، މުޞްޢަބް ޢަބްދުﷲ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ޕަރމަނަންޓް ސެކްރެޓަރީގެ މަޤާމުގައި ހުރެ ދައުލަތުގެ މާލިއްޔަތު ގަވާއިދާއި، ސިވިލް ސަރވިސް ގަވާއިދާއި، ސިވިލް ސަރވިސްގެ ކޯޑު އޮފް ކޯޑް އޮފް ކޮންޑަކްޓްގެ 22 ވަނަ މާއްދާގެ (ރ)، (ބ)، (ގ)، (ތ) އަދި (ލ) އާ ޚިލާފުވެފައިވާކަން ތަޙްޤީޤު ކޮމެޓީއަށް ފާހަގަކުރެވިފައިވާތީ، މި ކަންކަމަކީ ސިވިލް ސަރވިސް ގަވާއިދުގެ ޗެޕްޓަރ 28 ގެ 271 ވަނަ މާއްދާގެ (ށ) 1 ވަނަ ނަންބަރުގެ 1.2 (ކުށުގެ ދަރަޖަ 2) އާއި އެ މާއްދާގެ (ނ) ގެ 5 ވަނަ ނަންބަރުގެ 5.1 (ކުށުގެ ދަރަޖަ 3) ގައި ބަޔާންކޮށްފައިވާ ކުށްތަކަށް ފެތޭ ފަދަ ޢަމަލުތަކެއް ކަމަށް ފާހަގަކޮށް، މުޞްޢަބް ޢަބްދުﷲ ގެ ފަރާތުން ދިވެހި ސިވިލް ސަރވިސް ޤާނޫނާއި3 ދިވެހި ސިވިލް ސަރވިސްގެ ގަވާއިދާއި، އަދި ދިވެހި ސިވިލް ސަރވިސް ކޯޑް އޮފް ކޮންޑަކްޓާއި ޚިލާފުވެފައިވާ ކަމަށް ސާބިތުވާކަމުގައި، އަދި އެ މާއްދާގައިވާ ގޮތުގެ މަތީން ޕާރމަނަންޓް ސެކްރެޓަރީގެ މަޤާމުން މުޞްޢަބު ޢަބްދުﷲ ވަކިކުރެވިދާނެ ކަމަށް ފެންނަ ކަމަށް، ސިވިލް ސަރވިސް ކޮމިޝަނުގެ ތަޙްޤީޤު ކޮމެޓީން ނިންމިއެވެ.
5. ދިވެހި ސިވިލް ސަރވިސް ގަވާއިދު 2014 ގެ 22 ވަނަ މާއްދާގެ (ރ)، (ބ)، (ތ)، (ލ) އަދި (ގ) ބަޔާންކޮށްފައިވާ ކަންކަމާއި މުޞްޢަބް ޢަބްދުﷲ ޚިލާފުވެފައިވާތީ އާއި، އެ ގަވާއިދުގެ 271 ވަނަ މާއްދާގެ (ނ) ގެ 2 ވަނަ ނަންބަރަށް ރިޢާޔަތްކޮށް، ދިވެހި ސިވިލް ސަރވިސްގެ ކޯޑް އޮފް ކޮންޑަކްޓާއި މުޞްޢަބް ޢަބްދުﷲ ޚިލާފުވިކަން ކޮމިޝަނަށް ސާބިތުވާތީ، ދިވެހި ސިވިލް ސަރވިސްގެ ޤާނޫނުގެ 57 ވަނަ މާއްދާގެ (ނ) ގެ 2 ވަނަ ނަންބަރުގެ ދަށުން 10 ސެޕްޓެންބަރު 2019 ގައި މުޞްޢަބު ޢަބްދުﷲ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ޕަރމަނަންޓް ސެކްރެޓަރީ ކަމުގެ ވަޒީފާއިން ވަކިކޮށްފައިވެއެވެ.4
6. މިފަދައިން ނިންމުމުން، ދިވެހި ސިވިލް ސަރވިސް ކޮމިޝަނުގެ އެ ނިންމުމަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި، ކަމާ ގުޅުންހުރި ޤާނޫނުތަކާ ޚިލާފަށް ނިންމާފައިވާ ނިންމުމެއް ކަމަށް ބަޔާންކޮށް، އެ ނިންމުން ބާޠިލްކޮށްދިނުމަށާއި، މުޞްޢަބް ޢަބްދުﷲ ގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލައެއް ބަލާ ކަމަށް ބުނެ އެ ފަރާތް ސަސްޕެންޑްކުރި ކުރުމަކީ، ޤާނޫނާއި ޚިލާފުކަމެއް ކަމާއި، އެ ފަރާތް އަދާކުރުމަންދިޔަ ޕަރމަނަންޓް ސެކްރެޓަރީގެ ވަޒީފާ އަނބުރާ އިޢާދަކޮށް ދިނުމަށާއި، މުސާރަ ނުލިބޭ ގޮތަށް ސަސްޕެންޑްކުރި ދުވަހުން ފެށިގެން ވަޒީފާ އިޢާދާކުރުމާއި ހަމައަށް ވަޒީފާގައި ދެމިހުރިނަމަ ލިބޭނެ މުސާރައާއި އެންމެހައި ޢިނާޔަތްތައް ހޯދުމަށާއި، ޤާނޫނާ ޚިލާފަށް ވަޒީފާއިން ވަކިކުރުމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލާއި، ޤާނޫނީ ވަކީލެއްގެ އެހީތެރިކަމާއެކު މައްސަލާގައި ކުރިޔަށްދާން ޖެހުމުން ޚަރަދުކުރަންޖެހުނު އެންމެހައި ފައިސާ ހޯދުމަށް އެދި ސިވިލް ކޯޓުގައި މުޞްޢަބް ޢަބްދުﷲ ދަޢުވާކުރިއެވެ.
ސިވިލް ކޯޓުގެ ނަންބަރު 3684/Cv-C/2019 ޤަޟިއްޔާ
7. ސިވިލް ކޯޓުގެ ނަންބަރު 3684/Cv-C/2019 ޤަޟިއްޔާއިން ބެލި އެ މައްސަލައިގައި އެ ކޯޓުން ޙުކުމްކޮށްފައިވަނީ، މުޞްޢަބް ޢަބްދުﷲ ވަޒީފާއިން ވަކިކޮށްފައިވަނީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި، ދިވެހި ސިވިލް ސަރވިސް ޤާނޫނާއި ގަވާއިދާއި ޚިލާފަށް ކަމަށް ހުށަހެޅިފައިވާ ލިޔުންތަކުން ޝަރީޢަތަށް ސާބިތުނުވާތީ، އެ ފަރާތުން އެދިފައިވާ ގޮތަށް ވަޒީފާ އަނބުރާ އިޢާދަކޮށް ދިނުމަށާއި، މުސާރަ ނުލިބޭ ގޮތަށް ވަޒީފާއަށް ނުކުތުމަށް މުޞްޢަބް ޢަބްދުﷲ އަށް މަނާކޮށްފައިވާ މުއްދަތުގައި އެ ފަރާތަށް މުސާރައާއި އެލަންވަންސްގެ ގޮތުގައި ލިބެންޖެހޭ ކަމަށް ބުނާ ފައިސާއާއި، ޤާނޫނީ ވަކީލުގެ ޤާނޫނީ ފީ މުޞްޢަބް ޢަބްދުﷲ އަށް ދިނުމަށް ޝަރީޢަތުގެ ފަރާތުން ސިވިލް ސަރވިސް ކޮމިޝަނަށް އަންގާ އަމުރުކުރާނެ ޝަރުޢީ އަދި ޤާނޫނީ ހަމައެއް ނެތް ކަމަށެވެ.
8. ސިވިލް ކޯޓުން މިފަދައިން ނިންމާފައިވަނީ އަންނަނިވި ކަންކަމުގެ މައްޗަށް ބިނާކޮށްގެންކަން އެ ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށް ބެލުމުން އެނގެން އޮވެއެވެ.
8.1. މުވައްޒަފެއްގެ މައްސަލަ ތަޙްޤީޤު މަރުހަލާގައި އަދި ޝަރީޢަތަށް ހުށަހަޅާފައިވާ މުއްދަތުގައި، ވަކި މުއްދަތެއް ގައިދު ކުރުމެއްނެތި، އެ މުވައްޒަފަކު ވަޒީފާއަށް ނުކުތުން މަނާކުރުމަށް ކޮމިޝަން އެންގިދާނެކަން ދިވެހި ސިވިލް ސަރވިސް ގަވާއިދު 2014 ގެ 258 ވަނަ މާއްދާގެ (ނ) އިން އެނގޭކަން؛
8.2. ދިވެހި ސިވިލް ސަރވިސް ގަވާއިދު 2014 ގެ 258 ވަނަ މާއްދާގެ (ބ) އަކީ މުވައްޒަފު ވަޒީފާއަދާކުރާ އޮފީހުން އެ މުވައްޒަފަކު އެ އޮފީހަށް ނެރެން ބޭނުންވެއްޖެ ޙާލަތެއްގައި، އެ މުވައްޒަފަކު އޮފީހަށް ނެރޭވޭ ގޮތަށް އޮންނަ އަކުރެއް ނަމަވެސް، ދިވެހި ސިވިލް ސަރވިސް ގަވާއިދު 2014 ގެ 258 ވަނަ މާއްދާގެ (ބ) އަކީ މުވައްޒަފު ބޭނުންވެއްޖެ ހާލަތެއްގައި ވަޒީފާއަށް ނުކުމެވޭގޮތަށް އަކުރެއް ނޫންކަމުން، މި މައްސަލައަށް އެ މާއްދާގެ އެ އަކުރު ތަޠުބީޤު ނުކުރެވޭނެކަން؛
8.3. މުޞްޢަބް ޢަބްދުﷲ ގެ މައްޗަށް ތުހުމަތުކުރެވިފައިވާ ކަންތައްތަކަކީ ދިވެހި ސިވިލް ސަރވިސް ގަވާއިދު 2014 ގެ 22 ވަނަ މާއްދާގެ (ރ)، (ބ)، (ތ)، (ލ) އަދި (ގ) ބަޔާންކޮށްފައިވާ ކަންތައްތަކާއި، އަދި ދިވެހި ސިވިލް ސަރވިސް ގަވާއިދު 2014 ގެ 271 ވަނަ މާއްދާގެ (ނ) ގެ 5.1 ވަނަ ނަންބަރާއި ޚިލާފު ކަންތައްތަކެއްކަން ސިވިލް ސަރވިސް ކޮމިޝަންގެ ތަޙްޤީޤު ރިޕޯޓުން އެނގެން އޮންނަކަން؛
8.4. ދިވެހި ސިވިލް ސަރވިސް ގަވާއިދު 2014 ގެ 22 ވަނަ މާއްދާގެ (ރ)، (ބ)، (ތ)، (ލ) އަދި (ގ) ބަޔާންކޮށްފައިވާ ކަންތައްތަކާ މުޞްޢަބް ޢަބްދުﷲ ޚިލާފުވެފައިވާތީއާއި އެ ގަވާއިދުގެ 271 ވަނަ މާއްދާގެ (ނ) ގެ ނަންބަރުގައި ބަޔާންކޮށްފައިވާ ކުށެއް އެ ފަރާތުން ކޮށްފައިވާތީ، މުޞްޢަބް ޢަބްދުﷲ އަދާކުރަމުން ދިޔަ ވަޒީފާއިން އޭނާ ވަކިކޮށްފައިވަނީ ދިވެހި ސިވިލް ސަރވިސް ޤާނޫނުގެ 57 ވަނަ މާއްދާގެ (ނ) ގެ 2 ވަނަ ނަންބަރުގެ ދަށުންކަމާއި، އެފަދައިން އަމަލުކުރުމުގައި މައުޟޫޢީ އަދުލުވެރިކަން ޤާއިމުކޮށްފައިވާކަން އެނގެން އޮންނަކަން؛
8.5. މުޞްޢަބް ޢަބްދުﷲ ގެ މައްޗަށް ތުހުމަތު ކޮށްފައިވާ މައްސަލަތައް ސިވިލް ސަރވިސް ކޮމިޝަނުން ބެލުމުގައި، އެ މައްސަލަތަކުގެ ތަފްސީލް ދަޢުވާކުރާ ފަރާތަށް ދީފައި އޮންނަކަމާއި، އެ މައްސަލަތަކުގެ ތަޙުޤީޤުގައި ވަކީލަކު އައްޔަންކުރުމާއި، ޖަވާބުދާރީވުމުގެ ފުރުޞަތު މުޞްޢަބް ޢަބްދުﷲ އަށް ދީ، ވަޒީފާއިން ވަކިކުރުމަށް ނިންމާފައިވަނީ މުޞްޢަބް ޢަބްދުﷲ ގެ ބަޔާން ނެގުމަށް ފަހުކަން ހުށަހެޅިފައިވާ ލިޔެކިޔުންތަކުން އެނގެން އޮންނާތީ، މުޞްޢަބް ޢަބްދުﷲ ވަޒީފާއިން ވަކިކުރުމުގައި އިޖުރާއީ ޢަދުލުވެރިކަން ޤާއިމުކޮށްފައިވާކަން އެނގެން އޮންނަކަން؛ އަދި
8.6. މުޞްޢަބް ޢަބްދުﷲ ވަޒީފާއިން ވަކިކޮށްފައިވަނީ ދިވެހި ސިވިލް ސަރވިސް ޤާނޫނާއި، ދިވެހި ސިވިލް ސަރވިސްގެ ގަވާއިދާއި، ދިވެހި ސިވިލް ސަރވިސްގެ ކޯޑް އޮފް ކޮންޑަކްޓާ ޚިލާފުވެފައިވާކަން ސިވިލް ސަރވިސް ކޮމިޝަނަށް ސާބިތުވެގެންކަން ހުށަހެޅިފައިވާ ލިޔުންތަކުން އެނގެން އޮންނާތީ، މުޞްޢަބް ޢަބްދުﷲ އެދިފައިވާ ގޮތަށް ވަޒީފާ އަނބުރާ އިޢާދަކޮށްދިނުމަށާއި، މުސާރަ ނުލިބޭ ގޮތަށް ވަޒީފާއަށް ނުކުތުމަށް މަނާކޮށްފައިވާ މުއްދަތުގައި އެ ފަރާތަށް މުސާރައާއި އެލަވަންސްގެ ގޮތުގައި ލިބެންޖެހޭ ކަމަށް ބުނާ ފައިސާއާއި ޤާނޫނީ ވަކީލު ފީ ނަގައިދިނުމަށް ޝަރީޢަތުން ސިވިލް ސަރވިސް ކޮމިޝަނަށް އަންގާނެ ޤާނޫނީ ހަމައެއް ނެތްކަން.
ހައިކޯޓުގެ ނަންބަރު 2021/HC-A/46 ޤަޟިއްޔާ
9. ސިވިލް ކޯޓުގެ ނަންބަރު 3684/Cv-C/2019 ޤަޟިއްޔާގެ ޙުކުމް މުޞްޢަބް ޢަބްދުﷲ ގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން، އެ ކޯޓުގެ ނަންބަރު 2021/HC-A/46 ޤަޟިއްޔާއިން މައްސަލަ ބަލައި ޙުކުމް ކޮށްފައިވަނީ ސިވިލް ކޯޓުގެ ޙުކުމް ބާޠިލްކޮށެވެ. އަދި މުޞްޢަބް ޢަބްދުﷲ ވަޒީފާއިން ވަކިކުރީ މައުޟޫޢީ ޢަދުލުވެރިކަން ޤާއިމުކުރުމެއްނެތި ކަމަށް ކަނޑައަޅައި، އޭނާ ވަޒީފާއަށް އަނބުރާ ރުޖޫޢަކުރެވެން ނެތަތީ، މުޞްޢަބް ޢަބްދުﷲ ވަޒީފާއިން ވަކިކުރުމުގެ ކުރިން
27 ޖޫން 2019 އިން ފެށިގެން 10 ސެޕްޓެންބަރު 2019 އާއި ހަމައަށް މުސާރަ ނުލިބޭގޮތަށް ވަޒީފާއަށް ނުކުތުން މަނާކޮށްފައި އޮތުމުން، އެ މުއްދަތަށް ލިބެންޖެހޭ މުސާރައާއި ޢިނާޔަތުގެ ގޮތުގައި ޖުމްލަ 86,333.33ރ. (އަށްޑިހަ ހަހާސް ތިންސަތޭކަ ތިރީސް ތިން ރުފިޔާ ތިރީސް ތިން ލާރި) އާއި، މުޞްޢަބް ޢަބްދުﷲ ވަޒީފާއިން ވަކިކުރެވުނު ތާރީޚު ކަމުގައިވާ 10 ސެޕްޓެންބަރު 2019 އިން ފެށިގެން މުޞްޢަބް ޢަބްދުﷲ އާއި ސިވިލް ސަރވިސް ކޮމިޝަނާ ދެމެދު އެކުލަވާލެވުނު ވަޒީފާގެ އެއްބަސްވުމުގެ މުއްދަތު ހަމަވާ ދުވަހާއި ހަމައަށް ލިބެންޖެހޭ 1,101,333.33ރ. (އެއްމިލިއަން އެއްލައްކަ އެއްހާސް ތިންސަތޭކަ ތިރީސް ތިން ރުފިޔާ ތިރީސް ތިން ލާރި) އާއި އެކު ޖުމްލަ 1,187,666.66 (އެއްމިލިއަން އެއްލައްކަ އަށްޑިހަ ހަތްހާސް ހަސަތޭކަ ފަސްދޮޅަސް ހަރުފިޔާ ފަސްދޮޅަސް ހަލާރި) މުޞްޢަބް ޢަބްދުﷲ އަށް ދިނުމަށް ކަނޑައަޅައި، 28 އޮގަސްޓް 2022 އިން ފެށިގެން ރަސްމީ ބަންދު ނޫން 14 (ސާދަ) ދުވަހުގެ ތެރޭގައި އެ ކަންކަން ފުރިހަމައަށް ތަންފީޒުކުރުމަށް ސިވިލް ސަރވިސް ކޮމިޝަނުގެ މައްޗަށް އަންގައި އަމުރުކޮށެވެ.
10. ދިވެހިރާއްޖޭގެ ހައިކޯޓުން އިސްވެ ބަޔާންކުރެވުނު ފަދައިން މައްސަލަ ނިންމާފައިވަނީ އަންނަނިވި ކަންކަމުގެ މައްޗަށް ބިނާކޮށްކަން އެ ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށް ބެލުމުން އެނގެއެވެ.
10.1. މުޞްޢަބް ޢަބްދުﷲ ގެ ފަރާތުން ޓުވިޓަރގައި ހާމަކޮށްފައިވާ ސިޓީއަކީ އެންޓި ކޮރަޕްޝަން ކޮމިޝަނުން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒަށް ފޮނުވި ސިޓީއެއްކަން އެނގޭނެ އެއްވެސް ކަމެއް ފެންނަން ނެތްކަމާއި، އަދި އެކަން ސާބިތުކޮށްދެވޭފަދަ އިތުރު ހެއްކެއް އަދި ޤަރީނާއެއްވެސް ދައުލަތުން ހުށަހަޅާފައި ނުވާތީ، އެ ފަރާތް ވަޒީފާއިން ވަކިކޮށްފައިވަނީ އެކަށީގެންވާ ސަބަބެއްގެ މައްޗަށް ބިނާކޮށްކަން ބަލާނެ ޤާނޫނީ ހަމައެއް ނެތަތީ މި މައްސަލައިގައި މައުޟޫޢީ އަދުލުވެރިކަން ޤާއިމުކުރެވިފައިވާ ކަމަށް ބަލާނެ ޤާނޫނީ ހަމައެއް ނެތްކަން؛
10.2. މި މައްސަލަ ދަށުކޯޓުގައި ހިނގަމުންދިޔައިރު، މުޞްޢަބް ޢަބްދުﷲ ގެ ފަރާތުން ހާމަކޮށްފައިވާ ދައުލަތުގެ ސިއްރު ލިޔުމަކީ ކޮބައިކަން އެނގޭ ހެއްކެއް ދަށުކޯޓަށް ހުށަހެޅިފައިނުވާކަން މައްސަލައިގެ ހަސްމުން ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކުން އެނގޭތީ، މުޞްޢަބް ޢަބްދުﷲ ވަޒީފާއިން ވަކިކޮށްފައިވަނީ ހެއްކާބެހޭ ޤާނޫނުގެ 6 ވަނަ މާއްދާއާ ޚިލާފަށްކަން؛
10.3. މުސްޢަބް ޢަބްދުﷲ ގެ މައްޗަށް ހުށަހެޅިފައިވާ މައްސަލަތައް ބެލުމަށް 105 (ސަތޭކަ ފަހެއް) ދުވަހުގެ ދިގު މުއްދަތެއް ހޭދަވިކަމާއި، 4 (ހަތަރު) ފަހަރެއްގެ މަތިން މުސާރަ ނުލިބޭ ގޮތަށް އޮފީހަށް ނުކުތުން މަނާކުރުމަށް ނިންމަން ޖެހުނު ޤާނޫނީ ސަބަބު ސާފުކޮށްދެވިފައިނުވާތީ، އެ ނިންމުމަކީ ދިވެހި ސިވިލް ސަރވިސް ގަވާއިދު 2014 ގެ 27 ވަނަ ޗެޕްޓަރގައި ކަނޑައަޅާފައިވާ ކަންކަމާ ޚިލާފު ކަމެއްކަން؛
10.4. މުޞްޢަބް ޢަބްދުﷲ ވަޒީފާއިން ވަކިކުރުމުގެ ކުރިން، އޭނާ ވަޒީފާއިން ވަކިކުރުމަށް މެދުވެރިވި ސަބަބާއި ގުޅޭގޮތުން އޭނާއާ ސުވާލުކޮށް، އެ ސުވާލުތަކަށް ޖަވާބުދާރީވުމުގެ ފުރުސަތު ދެވިފައިވާތީ، މި މައްސަލައިގައި އިޖުރާއީ ޢަދުލުވެރިކަން ޤާއިމުކުރެވިފައިވާކަން؛
10.5. މުޞްޢަބް ޢަބްދުﷲ އާއި ސިވިލް ސަރވިސް ކޮމިޝަނާ ދެމެދު އެކުލަވާލެވުނު ވަޒީފާގެ އެއްބަސްވުމުގެ މުއްދަތު ހަމަވާ ތާރީޚަކީ 24 ޖުލައި 2022 ކަމުގައި ވީނަމަވެސް، އެ ފަރާތުން އެދިފައިވާ އެދުމަށް ބަލާއިރު، ވަޒީފާ އަނބުރާ ރުޖޫޢަކޮށްދިނުމަށް އެދިފައި ނުވާތީ އަދި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ޕަރމަނަންޓް ސެކްރެޓަރީގެ މަޤާމަށް މީހަކު ޢައްޔަންކުރެވިފައިވާކަން އެނގެން އޮތުމުން މި މައްސަލައިގައި އެ ފަރާތަށް ދެވެން އޮތް ހައްލަކީ ބަދަލުދިނުންކަން؛ އަދި
10.6. އެހެންކަމުން، މުޞްޢަބް ޢަބްދުﷲ ވަޒީފާއިން ވަކިކުރުމުގެ ކުރިން 27 ޖޫން 2019 އިން ފެށިގެން 10 ސެޕްޓެންބަރު 2019 އާއި ހަމައަށް މުސާރަ ނުލިބޭގޮތަށް ވަޒީފާއަށް ނުކުތުން މަނާކޮށްފައި އޮތް މުއްދަތަށް ލިބެންޖެހޭ މުސާރައާއި ޢިނާޔަތުގެ ގޮތުގައި ޖުމްލަ 86,333.33ރ. (އަށްޑިހަ ހަހާސް ތިންސަތޭކަ ތިރީސް ތިން ރުފިޔާ ތިރީސް ތިން ލާރި) އާއި، މުޞްޢަބް ޢަބްދުﷲ ވަޒީފާއިން ވަކިކުރި ތާރީޚުން (10 ސެޕްޓެންބަރު 2019) ފެށިގެން މުޞްޢަބް ޢަބްދުﷲ އާއި ސިވިލް ސަރވިސް ކޮމިޝަނާ ދެމެދު އެކުލަވާލެވުނު ވަޒީފާގެ އެއްބަސްވުމުގެ މުއްދަތު ހަމަވާ ދުވަހާއި ހަމައަށް ލިބެންޖެހޭ 1,101,333.33ރ. (އެއްމިލިއަން އެއްލައްކަ އެއްހާސް ތިންސަތޭކަ ތިރީސް ތިން ރުފިޔާ ތިރީސް ތިން ލާރި) އާއި އެކު ޖުމްލަ 1,187,666.66 (އެއްމިލިއަން އެއްލައްކަ އަށްޑިހަ ހަތްހާސް ހަސަތޭކަ ފަސްދޮޅަސް ހަރުފިޔާ ފަސްދޮޅަސް ހަލާރި) މުޞްޢަބް ޢަބްދުﷲ އަށް ބަދަލުގެ ގޮތުގައި ލިބިދޭންޖެހޭކަން.
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފައިވާ ނުކުތާތަކާއި އޭގެ ރައްދު
11. ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2021/HC-A/46 ޤަޟިއްޔާ ނިންމާފައިވަނީ ޤާނޫނާ އެއްގޮތަށް ނޫންކަމަށް ބުނެ އެ ޤަޟިއްޔާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމަށްޓަކައި ސިވިލް ސަރވިސް ކޮމިޝަނުގެ ފަރާތުން މައިގަނޑު 03 (ތިނެއް) ސަބަބެއް ހުށަހަޅާފައިވެއެވެ.
(ހ) ފުރަތަމަ ސަބަބަކީ، ދިވެހިރާއްޖޭގެ ސުޕްރިމް ކޯޓުގެ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް ވ.ޖާބިރު ޢަބްދުއްރަޙްމާން5 ޤަޟިއްޔާގެ ފާހަގަކުރެވުނު ނުކުތާތަކުގެ 26 ވަނަ ނުކުތާގައި ދަށުކޯޓުގެ ކުރިމަތީގައި ހުރި ހުރިހާ ހެކިތަކަށް ޝާމިލްގޮތެއްގައި ބަލާއިރު، ހުށަހަޅާފައިވާ ހެއްކަކުން ނުވަތަ ހެކިތަކުން ދަށު ކޯޓުން ނެރެފައިވާ ދޭހަކީ ރަނގަޅު ދޭހަ އެއް ނޫންކަމުގައިވާ ހާލަތުގައި އިސްތިއުނާފީ ކޯޓަށް އަލުން އެ ހެކިތައް ވަޒަންކުރުމުގެ ބާރު ލިބިގެންވާ ކަމަށް ބަޔާންކޮށްފައިވާއިރު، މި މައްސަލައިގައި ހައިކޯޓުން އިސްތިއުނާފު ރައްދުވާ ފަރާތް ވަޒީފާއިން ވަކިކުރެއްވި ޗިޓުގައި ވަޒީފާއިން ވަކިކުރި ސަބަބު ދޭހަކޮށްފައިވަނީ ގޯސްކޮށް އަދި ބުއްދީގެ ހަމަތަކާއި ޚިލާފަށް ކަމުގައި ބުނެ ހުށަހެޅި ސަބަބު.
(ށ) ދެވަނަ ސަބަބަކީ، އިސްތިއުނާފު ރައްދުވާ ފަރާތް ވަޒީފާއިން ވަކިކުރުމުގައި މައުޟޫޢީ ޢަދުލުވެރިކަން ޤާއިމުނުވާކަމަށް ކަނޑައަޅާފައިވަނީ، ސިވިލް ސަރވިސް ކޮމިޝަނުގެ ފަރާތުން ދަށު ކޯޓަށް ހުށަހެޅި ހެކިތަކަށް ރިޢާޔަތްކުރުމަކާ ނުލައި، ސާބިތު ހެކި ހުރެ، އެ ހެކިތަކަކީ ނެތް ހެކިތަކެއް ކަމުގައި ބަލައިގެން ކަމުގައިވާތީ، އެ ނިންމުމަކީ ސުޕްރީމް ކޯޓުގެ އިބްރާހީމް ޖިހާދު ވ. ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް6 ގައި ކަނޑައަޅާފައިވާ ސާބިތު ހެއްކެއް ނެތި ޙަޤީޤަތް އޮތްކަމަށް ނުވަތަ ނެތް ކަމަށް ބަލައިގެން އެއިން ވަކި ގޮތަކަށް ކަމެއް ދޭހަކުރުމުގެ އުސޫލާ ޚިލާފު ނިންމުމެއް ކަމަށް ބުނެ ހުށަހެޅި ސަބަބު.
(ނ) ތިންވަނަ ސަބަބަކީ، ވަޒީފާގެ މައްސަލަތަކުގައި ގެއްލުމުގެ ބަދަލުނަގައި ދިނުމުގައި (ގެއްލިފައިވާ މުސާރައާއި ޢިނާޔަތް ނަގައިދިނުމުގައި) މުޅި މުއްދަތުގައި ގެއްލިފައިވާ މުސާރައާއި ޢިނާޔަތްތައް ނަގައިދިނުމަކީ ލާޒިމްކަމެއް ނޫން ކަމަށާއި، ގެއްލުމުގެ ބަދަލު ނަގާދޭންޖެހެނީ މުވައްޒަފަށް ބޭއިންސާފުން ނުހައްގު މުއްސަނދިކަމެއް ނުލިބޭ ގޮތަށް ކަމާއި، މިފަދަ ހާލަތުގައި އެ ފަރާތުން ގެއްލުން ކުޑަކުރަން މަސައްކަތްކޮށްފައިވޭތޯ އާއި އެހެން ވަޒީފާއެއް ނުވަތަ އެ ނޫންވެސް ގޮތަކަށް އާމްދަނީއެއް ހޯދަމުން ގެންގޮސްފައިވޭތޯ ކަށަވަރު ކުރަންޖެހޭ ކަމަށް ސުޕްރީމް ކޯޓުގެ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް ވ. އަސްފާޤު ވަޙީދު7 ގައި ކަނޑައަޅާފައިވާ ވާހިނދު، ހައިކޯޓުން މައްސަލަ ނިންމާފައިވަނީ ބުނެވުނު އުސޫލުތަކާ ޚިލާފަށް ކަމަށް ބުނެ ހުށަހެޅި ސަބަބު.
12. ސިވިލް ސަރވިސް ކޮމިޝަނުގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކަށް ރައްދު ދިނުމުގެ ގޮތުން މުޞްޢަބް ޢަބްދުﷲ ގެ ފަރާތުން މައިގަނޑު ގޮތެއްގައި ފާހަގަކޮށްފައިވަނީ އަންނަނިވި ނުކުތާތަކެވެ.
(ހ) އިސްތިއުނާފު ރައްދުވާ ފަރާތް ވަޒީފާއިން ވަކިކުރި ސަބަބަކީ ކޮބައިތޯ ބަލާއިރު، ޝަރީޢަތުން ބަލަންޖެހޭ ކަމަކީ އިސްތިއުނާފު ރައްދުވާ ފަރާތުން ދައުލަތުގެ ރަސްމީ ސިއްރު ލިޔުމެއް އާއްމުކުރިކަން ނުވަތަ ނޫންކަން ކަމުގައިވާއިރު، ހައިކޯޓުން މައްސަލަ ނިންމުގައި ބަލައިފައިވަނީ އެކަމަށް ކަމަށާއި، އެ ނޫން އެހެން ސަބަބެއް ވަޒީފާއިން ވަކިކުރި ޗިޓުގައި ވަޒީފާއިން ވަކިކުރި ސަބަބުގެ ގޮތުގައި ބަޔާންކޮށްފައިނުވާކަން.
(ށ) ހައިކޯޓުން މައްސަލަ ނިންމާފައިވަނީ ސުޕްރީމް ކޯޓުގެ އިބްރާހީމް ޖިހާދު ވ. ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް8 ގައި ކަނޑައަޅާފައިވާ ސާބިތު ހެއްކެއް ނެތި ޙަޤީޤަތް އޮތްކަމަށް ނުވަތަ ނެތް ކަމަށް ބަލައިގެން އެއިން ވަކި ކަމެއް ދޭހަކުރުމުގެ އުސޫލާ ޚިލާފަށް ކަމަށް ސިވިލް ސަރވިސް ކޮމިޝަނުގެ ފަރާތުން ބުނާއިރު، އެ ޚިލާފު ވީ ގޮތެއް އެ ފަރާތަށް ބުނެދެވިފައިނުވާ ކަމަށާއި، ސުޕްރީމް ކޯޓުގެ ބުނެވުނު ޤަޟިއްޔާއިން ކަނޑައަޅާފައިވާ އުސޫލާ ޚިލާފަށް ދިވެހިރާއްޖޭގެ ހައިކޯޓުން މައްސަލަ ނިންމާފައި ނުވާކަން.
(ނ) ސުޕްރީމް ކޯޓުގެ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް ވ. އަސްފާޤު ވަޙީދު9 މައްސަލައިގައި ކަންހިނގާފައިވާ ގޮތާއި މި މައްސަލައިގެ ވާޤީޢާތައް މުޅިން ތަފާތު ކަމުގައިވާތީ، އެ ޤަޟިއްޔާގައި ޤާއިމުކޮށްފައިވާ އުސޫލުތައް މި މައްސަލައަށް ތަޠުބީޤު ނުކުރެވޭނެކަން.
ސުޕްރީމް ކޯޓުން ގޮތް ކަނޑައަޅަންޖެހޭ ނުކުތާތައް
13. މި މައްސަލައާ ގުޅިގެން ހުށަހަޅާފައިވާ އިސްތިއުނާފީ ނުކުތާތަކުގެ އަލީގައި މި ކޯޓުން ގޮތެއް ކަނޑައަޅަންޖެހެނީ އަންނަނިވި ނުކުތާ ތަކަށެވެ.
(ހ) މުޞްޢަބް ޢަބްދުﷲ ވަޒީފާއިން ވަކިކުރުމުގައި މައުޟޫޢީ ޢަދުލުވެރިކަން ޤާއިމުކޮށްފައިވާކަން ނުވަތަ ނޫންކަން؛ އަދި
(ށ) މުޞްޢަބް ޢަބްދުﷲ ވަޒީފާއިން ވަކި ކޮށްފައިވަނީ ޤާނޫނާ ޚިލާފަށް ކަމުގައި ކަނޑައަޅައި އެ ފަރާތަށް ލިބެންޖެހޭ ބަދަލަކީ އެކު ޖުމްލަ 1,187,666.66 (އެއްމިލިއަން އެއްލައްކަ އަށްޑިހަ ހަތްހާސް ހަސަތޭކަ ފަސްދޮޅަސް ހަރުފިޔާ ފަސްދޮޅަސް ހަލާރި) ކަމަށް ހައިކޯޓުން ކަނޑައަޅާފައިވަނީ ޤާނޫނީ އުސޫލުތަކާ އެއްގޮތަކަށް ނުވަތަ ނޫންކަން.
މައްސަލަ ތަޙްޤީޤުކުރުމާއި ވަޒީފާއިން ވަކިކުރި ސަބަބު
14. މުޞްޢަބް ޢަބްދުﷲ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ޕަރމަނަންޓް ސެކްރެޓަރީގެ މަޤާމު އަދާކުރުމުން ދަނިކޮށް އޭނާގެ މަޤާމުގެ މަސްއޫލިއްޔަތާ ގުޅޭ މައްސަލަތަކެއް ސިވިލް ސަރވިސް ކޮމިޝަނަށް ހުށަހެޅިފައިވާތީ، އެ މައްސަލަތައް ސިވިލް ސަރވިސް ކޮމިޝަނުން ތަޙްޤީޤުކޮށްފައިވެއެވެ.10 މުޞްޢަބް ޢަބްދުﷲ އާ ގުޅޭ ގޮތުން ހުށަހެޅިފައިވާ މައްސަލަތަކުގެ ގޮތުގައި ކޮމިޝަނުގެ ތަޙްޤީޤު ރިޕޯޓުގައި ފާހަގަކޮށްފައިވާ މައްސަލަތަކަކީ:
(ހ) ފައިސާއާ ގުޅުންހުރި ކަންކަމާއި، މުވައްޒަފުންގެ މުސާރައިގެ ކަންކަމުގައި އިހުމާލުވުން -
(1) މިނިސްޓްރީގައި ނެތް މުވައްޒަފަކަށް އެސް.އޭ.ޕީ ސޮފްޓުވެއަރގައި ރަޖިސްޓްރީކޮށް ގަވާއިދާ ޚިލާފަށް މުސާރަދިނުން.
(2) އިސްލާމިކް ސްޓޫޑިއޯ ކޮންޓްރެކްޓް މުވައްޒަފުންނަށް އެއްބަސްވުން ނުހަދައި މުސާރަ ދިނުން.
(3) މުސާރައިން ފައިސާ އުނިކުރުމާއި މުސާރަ ދިނުމުގައި ގަވާއިދާ ޚިލާފަށް ޢަމަލުކުރުން.
(4) ގަވާއިދާ ޚިލާފަށް އެއްބަސްވުންތައް އެކުލަވާލުމާއި ފައިސާދޫކުރުމާއި އެކަންކަމަށް ހިތްވަރުދިނުން.
(ށ) ވަޒީފާއާ ގުޅުން ހުރި ކަންކަމުގައި އިހުމާލުވުމާއި ނުފޫޒުގެ ބޭނުންކުރުން -
(1) މުވައްޒަފުންގެ ވަޒީފާ ބަޔާންތައް ފުރިހަމައަށް ތައްޔާރުކޮށްފައި ނެތުމާއި، ހެދިފައިވާ ވަޒީފާ ބަޔާންތަކާއި ޚިލާފަށް މުވައްޒަފުންނާ މަސްއޫލިއްޔަތު ހަވާލުކުރުން.
(2) މުވައްޒަފުންގެ ޕާފޯމެންސް އެޕްރައިޒަލްގެ ކަންކަން ނުނިމި ހުރުން.
(3) މިނިސްޓަރ އަންގާ ކަންކަން ތަންފީޒުކުރުމުގައި އިހުމާލުވުން.
(ނ) 17 މޭ 2019 ވަނަ ދުވަހު ދައުލަތުގެ ރަސްމީ ސިއްރު ލިޔުމެއް ޓުވިޓަރގައި ޢާއްމުކުރުން.11
15. މުޞްޢަބް ޢަބްދުﷲގެ މައްޗަށް ކުރެވުނު ތުހުމަތަކާ ގުޅިގެން އެ މައްސަލަތައް ތަޙްޤީޤުކުރުމަށްފަހު، އޭނާގެ ވަޒީފާގެ މަސްޢޫލިއްޔަތާ ޚިލާފުވެފައިވާކަމަށް ކޮމިޝަނަށް ފާހަގަ ކުރެވޭ މައްސަލަތަކާ ގުޅިގެން ޖަވާބުދާރީވުމަށް 7 (ހަތެއް) ދުވަހުގެ ފުރުޞަތެއް މުޞްޢަބް ޢަބްދުﷲ އަށް ސިވިލް ސަރިވިސް ކޮމިޝަނުން ދީފައިވެއެވެ. މުޞްޢަބް ޢަބްދުﷲ އަށް ޖަވާބުދާރިވުމަށް ދެވުނު ނޯޓިސްގައި ހިމާނާފައިވާ ކަންކަން ތިރީގައި ހިމަނަމެވެ.
(ހ) މިނިސްޓްރީގައި ނެތް މުވައްޒަފަކަށް އެސް.އޭ.ޕީ ސޮފްޓުވެއަރގައި ރަޖިސްޓްރީކޮށް ގަވާއިދާ ޚިލާފަށް މުސާރަދިނުން –
(1) އިބްރާހީމް ފަޟީލްގެ މުސާރައިގެ މައްސަލަ - އިބްރާޙީމް ފަޟީލް ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައި ބުނާ ހުއްދަ ނޫން ޢަމަލެއް ކޮށްފައިވާއިރު، އެކަން ޤާނޫނާ ގަވާއިދާ އަދި އުސޫލުތަކާ އެއްގޮތަށް ތަހުޤީޤުކުރުމަކާ ނުލައި އަންގަންޖެހޭ މައި އިދާރާތަކަށް އެންގުމަކާ ނުލައި އަދި އެއްވެސް އިރުޝާދެއް ލަފައެއް ވިޔަސް ހޯދުމަކާ ނުލައި އަވަސް އަރުވާލައިގެން އިބްރާހީމް ފަޟީލް ވަޒީފާއިން ވަކިކޮށްފައިވާއިރު، އެކަމުގައި ޢަމަލުކުރަންވީ އިޖުރާއަތު ދައުލަތުގެ މާލިއްޔަތު ގަވާއިދުގެ 17 ވަނަ ބާބުގައި ތަފްސީލްކޮށް ބަޔާންވެގެންވާއިރު، އެ މުވައްޒަފު ވަކިކުރުމުގެ ކަންކަން ކޮށްފައވަނީ ބުނެވުނު ގަވާއިދާ ޚިލާފަށްކަން؛
(2) ސިވިލް ސަރވިސް ގަވާއިދުގެ 26 ވަނަ މާއްދާގެ (ހ) ގައި ޕާރމަނަންޓް ސެކްރެޓަރީއަކީ އޭނާ ވަޒީފާއަދާކުރާ މަސްއޫލު އޮފީހުގެ އިސްވެރިޔާ ކަނޑައަޅާ ސިޔާސަތާއި އުސޫލުތަކާ އެއްގޮތަށް ކަންތައްތައް ހިންގުމުގައި ފުރިހަމައަށް އެހީތެރިވެ އެ ކަންކަން ހިންގާ ތަންފީޒުކޮށް ހިންގާ ބެލެހެއްޓުމުގެ އިސްވެރިޔާ ކަމަށް ބަޔާންކޮށްފައިވާއިރު، އިބްރާހީމް ފަޟީލްގެ މައްސަލައިގައި، މިނިސްޓަރަށް ވާނުވާ އަންގާފައި ނުވުމާއި، އަދި މިކަމުގައި އިހުމާލުވާ ފަރާތްތަކުގެ ބަޔާން ނަގަން މިނިސްޓަރު އަންގާފައިވީ ނަމަވެސް އެ ފަރާތްތަކުގެ ބަޔާންނަގާފައި ނުވާކަން؛ އަދި
(3) އިބްރާހީމް ފަޟީލްއާ ގުޅޭ ކަންކަމުގައި ޕަރމަނަންޓް ސެކެރެޓްރީ ބައިވެރިވެ ސިޓީ ބަލައިގަނެ ދުވަހުން ދުވަހަށް އެ މައްސަލައިގެ ނިންމުންތައް ނިންމާފައިވަނީ ދިވެހި ސިވިލް ސަރވިސްގެ ކޯޑް އޮފް ކޮންޑަކްޓުގެ ވާޖިބާއި މަސްއޫލިއްޔަތު އަދާކުރުމާ ގުޅޭ 22 ވަނަ މާއްދާގެ (ޅ) އާ ޚިލާފަށްކަން ތަޙްޤީޤަށް ސާބިތުވެފައިވާކަން.
(ށ) ވަޒީފާއާ ގުޅުން ހުރި ކަންކަމުގައި އިހުމާލުވުމާއި ނުފޫޒުގެ ބޭނުންކުރުން -
މުވައްޒަފުންގެ ވަޒީފާ ބަޔާންތައް ފުރިހަމައަށް ތައްޔާރުކޮށްފައި ނެތުމާއި، ހެދިފައިވާ ވަޒީފާ ބަޔާންތަކާ ޚިލާފަށް މުވައްޒަފުންނާ މަސްއޫލިއްޔަތު ހަވާލުކޮށްފައިވަނީ، ދިވެހި ސިވިލް ސަރވިސްގެ ގަވާއިދުގެ ޗެޕްޓަރު 1 ގެ 12 ވަނަ މާއްދާ އާ އެ ގަވާއިދުގެ ޗެޕްޓަރު 8 ގެ 83 ވަނަ މާއްދާއާ ޚިލާފަށްކަން.
(ނ) 17 މޭ 2019 ވަނަ ދުވަހު ދައުލަތުގެ ރަސްމީ ސިއްރު ލިޔުމެއް ޓުވިޓަރގައި ޢާއްމުކޮށްފައިވާ މައްސަލަ -
މަސައްކަތުގެ މާހައުލުގައި މުވައްޒަފުންގެ އަތަށް އަރާ ލިޔެކިޔުމާއި ސިޓީފަދަ ތަކެތި އަމިއްލައަށް ބޭނުންވެގެން މީސްމީޑިއާއަށް ލުމަކީ ދިވެހި ސިވިލް ސަރވިސްގެ ކޯޑް އޮފް ކޮންޑަކްޓުގެ ވާޖިބާއި މަސްޢޫލިއްޔަތު އަދާކުރުމާ ގުޅޭ 22 ވަނަ މާއްދާގެ (ތ)، (ލ)، (ބ)، (ގ) އާ ޚިލާފުކަމެއް ކަމަށް ފާހަގަކުރެވޭ ކަމެއް ކަމާއި، އެ ޓްވީޓް ކޮށްފައިވަނީ އަމިއްލަ ބޭނުމަކު އަމިއްލަ ޓުވިޓަރ ހޭންޑްލްއިން ކަމަށްވާތީ، މިކަމަކީ ސިވިލް ސަރވިސް ކޯޑް އޮފް ކޮންޑަކްޓުގެ އަމިއްލަ ކަންތައްތަކާއި އުޅުން ބައްޓަން ކުރަންވީ ގޮތާ ގުޅޭ 23 ވަނަ މާއްދާގެ (ރ) އާ ޚިލާފުކަމެއްކަން.
16. އިސްވެ ބަޔާންކުރެވުނު ކަންތައްތަކަށް މުޞްޢަބް ޢަބްދުﷲ އަށް ޖަވާބުދާރީވުމުގެ ފުރުޞަތު ދިނުމަށްފަހު، ސިވިލް ސަރވިސް ކޮމިޝަނުން ނިންމާފައިވާ ނިންމުން ބަދަލުކުރަންޖެހޭފަދަ އެކަށީގެންވާ ހަރުދާނާ ސަބަބުތަކެއް މުޞްޢަބް ޢަބްދުﷲ ގެ ފަރާތުން ހުށަހަޅާފައިނުވާތީ،
10 ސެޕްޓެންބަރު 2019 ގައި އޭނާ ވަޒީފާއިން ވަކިކޮށްފައިވެއެވެ. އަދި ވަޒީފާއިން ވަކިކުރި ޗިޓުގައި ވަޒީފާއިން ވަކިކުރި ސަބަބެއްގެ ގޮތުގައި ބަޔާންކޮށްފައިވަނީ:
"ދިވެހި ސިވިލް ސަރވިސް ގަވާއިދު 2014 ގެ 22 ވަނަ މާއްދާގެ (ރ)، (ބ)، (ތ)، (ލ)، އަދި (ގ) ގައި ބަޔާންކޮށްފައިވާ ކަންތައްތަކާއި ޚިލާފުވެފައިވާތީ އަދި އެ ގަވާއިދުގެ 271 ވަނަ މާއްދާގެ (ނ) ގެ 5.1 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ކުށެއް ކޮށްފައިވާތީ، ދިވެހި ސިވިލް ސަރިވިސްގެ ގަވާއިދު 2014 ގެ 30 ވަނަ މާއްދާގެ (ނ) ގެ 2 ވަނަ ނަންބަރަށް ރިޢާޔަތްކޮށް، ދިވެހި ސިވިލް ސަރވިސްގެ ޤާނޫނާއި، ދިވެހި ސިވިލް ސަރވިސްގެ ގަވާއިދާ އަދި ދިވެހި ސިވިލް ސަރވިސްގެ ކޯޑް އޮފް ކޮންޑަކްޓާ ޚިލާފިވިކަން ކޮމިޝަނަށް ސާބިތުވާތީ، ދިވެހި ސިވިލް ސަރވިސްގެ ޤާނޫނުގެ 57 ވަނަ މާއްދާގެ (ނ) 2 ވަނަ ނަންބަރު ގެ ދަށުން"
މިފަދައިންނެވެ.
17. ހައިކޯޓުގެ ނިންމުން އިސްތިއުނާފު ކުރަމުން ސިވިލް ސަރވިސް ކޮމިޝަނުން ފާހަގަކޮށްފައިވާ ކަންކަމުގެ ތެރޭގައި، މުޞްޢަބް ޢަބްދުﷲ ކުރިކަމަށް ތުހުމަތުކުރެވުނު އަދި އެކަމުގެ މައްޗަށް ތަހުޤީޤު ހިންގުނު އެހެން ކަންކަމަށް ބަލާފައިނުވާކަމަށް ބަޔާންކޮށްފައިވެއެވެ. އަދި މުޞްޢަބް ޢަބްދުﷲ އާމެދު ކުރެވުނު ތުހުމަތުތަކާ ގުޅޭ ހެކި ޤަރީނާ ދަށުކޯޓަށް ހުށަހަޅާފައިވާ އިރުވެސް އެތަކެއްޗަށް ހައިކޯޓުންވެސް ރިޢާޔަތްކޮށްފައި ނުވާކަމަށް ސިވިލް ސަރވިސް ކޮމިޝަނުން ބުނެއެވެ. އަދި ހަމައެއާއެކު، ކޯޓުތަކުން މައްސަލަ ބެލުމުގައި އާންމު އުސޫލަކުން ބަލަނީ މުވައްޒަފަކު ވަޒީފާއިން ވަކިކުރި ސަބަބަކީ އެކަށީގެންވާ އަދި އަދުލުވެރި ސަބަބެއް ކަމަށް ކަން ނުވަތަ ނޫންކަމުގެ މައްޗަށް ކަމަށާއި، މައިގަނޑު 3 (ތިނެއް) ތުހުމަތެއް މުޞްޢަބް ޢަބްދުﷲ ގެ މައްޗަށް ކުރެވި، އެކަންކަމާ ގުޅިގެން އޭނާއަށް ޖަވާބުދާރީ ވުމުގެ ފުރުސަތު ލިބިދީފައިވާއިރު، މުޞްޢަބް ޢަބްދުﷲ ވަޒީފާއިން ވަކިކޮށްފައިވަނީ ހަމައެކަނި ދައުލަތުގެ ރަސްމީ ސިއްރު ލިޔުމެއް އާންމުކޮށްގެން ކަމުގައި ހައިކޯޓުން ކަނޑައެޅުމަކީ ވަޒީފާއިން ވަކިކުރި ޗިޓުގައި ބަޔާންކޮށްފައިވާ ކަންކަން ގޯސްކޮށް ދޭހަކުރުންކަމުގައި ސިވިލް ސަރވިސް ކޮމިޝަނުން ބުނެއެވެ.
18. މުޞްޢަބް ޢަބްދުﷲ އާ ގުޅޭ ގޮތުން ހުށަހެޅިފައިވާ މައްސަލަތަކަށާއި، އެ މައްސަލަތަކާއި ގުޅިގެން ކުރެވުނު ތަހުޤީޤަށާއި، މުޞްޢަބް ޢަބްދުﷲ ވަޒީފާއިން ވަކިކުރި ސަބަބަށް ބަލާއިރު، މުޞްޢަބް ޢަބްދުﷲ އާމެދު ތަފާތު އެތަކެއް ތުހުމަތުތަކެއް ކޮށްފައިވާހިނދު، އަދި އެ ތުހުމަތުތައް ތަހުޤީޤުކޮށް މުޞްޢަބް ޢަބްދުﷲ އަށް ޖަވާބުދާރީ ވުމުގެ ފުރުސަތު ދީފައިވާ އިރު، މުޞްޢަބް ޢަބްދުﷲ ވަޒީފާއިން ވަކިކުރި ސަބަބެއްގެ ގޮތުގައި "ވަޒީފާއިން ވަކިކުރެއްވި ޗިޓު" ގައި ހިމަނާފައިވަނީ އޭނާއާމެދު ތުހުމަތުކުރެވުނު ކަންތައްތަކުގެ ތެރެއިން އެންމެ ކަމެކެވެ. އެއީ، ދިވެހި ސިވިލް ސަރވސް ގަވާއިދުގެ 271 ވަނަ މާއްދާގެ (ނ) ގެ 5.1 ވަނަ ނަންބަރާ12 ޙަވާލާދީ، ދައުލަތުގެ ރަސްމީ ސިއްރު ލިޔުމެއް ޓުވިޓަރގައި ޢާންމުކުރުމާގުޅޭ މައްސަލައެވެ.
19. ސިވިލް ސަރވިސް ކޮމިޝަންގެ ފަރާތުން ބުނާގޮތުގައި، ދިވެހި ސިވިލް ސަރވިސްގެ ގަވާއިދު 2014 ގެ 22 ވަނަ މާއްދާގެ (ރ)، (ބ)، (ތ)، (ލ)، އަދި (ގ) އަށް "ވަޒީފާއިން ވަކިކުރެއްވި ޗިޓު" ގައި ހަވާލާދީފައިވަނީ މުޞްޢަބް ޢަބްދުﷲ އާމެދު ތުހުމަތު ކުރެވުނު ދައުލަތުގެ ރަސްމީ ސިއްރު ލިޔުމެއް ޢާންމުކުރުމާގުޅޭ މައްސަލަ ފިޔަވާ އެހެނިހެން މައްސަލަތަކާ ގުޅިގެން ދިވެހި ސިވިލް ސަރވިސްގެ ގަވާއިދު 2014 ގެ 22 ވަނަ މާއްދާގެ ދަށުން ފިޔަވަޅު އަޅާފައިވަނީކަމަށް ބަޔާންކުރުމުގެ ގޮތުންނެވެ.
20. ދިވެހި ސިވިލް ސަރވިސްގެ ގަވާއިދު 2014 ގެ 22 ވަނަ މާއްދާއަށް ބަލާއިރު، އެ މާއްދާއަކީ ދިވެހި ސިވިލް ސަރވިސްގެ ކޮންމެ މުވައްޒަފެއްގެ ވާޖިބާއި މަސްޢޫލިއްޔަތުތައް ބަޔާންކުރާ މާއްދާއެވެ.
21. ދިވެހި ސިވިލް ސަރވިސްގެ ގަވާއިދު 2014 ގެ 22 ވަނަ މާއްދާއަކީ ސިވިލް ސަރވިސް ވަޒީފާގައި އުޅޭ ކޮންމެ މީހަކުމެ އެ މާއްދާގައި ބަޔާންކުރާ ފަދައިން އަމަލުކުރުން ލާޒިމުވާ މާއްދާއަކަށް ވާހިނދު، ސިވިލް ސަރވިސްގައި ހިމެނޭ މުވައްޒަފެއްގެ މައްޗަށް ތުހުމަތުތަކެއް ކުރެވި، އެ މުވައްޒަފެއްގެ މައްޗަށް ތައުދީބީ ފިޔަވަޅު އެޅޭހިނދު، އަދި އަމުދުން އެ މުވައްޒަފެއް ވަޒީފާއިން ވަކިކުރާއިރު، ސިވިލް ސަރވިސް ކޮމިޝަނުން ކުރާ ތަހުޤީޤުން އެ މުވައްޒަފަކު ކުރިކަމަށް ސާބިތުވާ އަމަލަށް ހަވާލާ ދިނުމަކާއި ނުލައި ހަމައެކަނި މުވައްޒަފުގެ މަސްއޫލިއްޔަތާއި ވާޖިބުތަކާ ޚިލާފުވެފައިވާކަމަށް ބުނުމަކީ ފުދޭ ކަމެއްކަން ނުވަތަ ނޫންކަމުގެ މައްޗަށް ބަލާންޖެހެއެވެ.
ފިޔަވަޅު އެޅުމާގުޅޭ ކަންކަން އިންތިޒާމުވެފައިވާ ގޮތް
22. ސިވިލް ސަރވިސްގައި ވަޒީފާ އަދާކުރާ މުވައްޒަފުންނާމެދު އެޅިދާނެ ފިޔަވަޅުތަކުގެ ތެރޭގައި ވަޒީފާގެ ކުށުގެ ދަރަޖައަށް ބަލައި، އަނގަބަހުން ނުވަތަ ލިޔުމުން ނަސޭހަތްދީ މުވައްޒަފުން އިސްލާހުވުމަށް ފުރުސަތު ދިނުމާއި، ވަޒީފާގެ ފަންތީގައި މުވައްޒަފުގެ މަޤާމު ދަށްކުރުމާއި، ވަކި މުއްދަތަކަށް ވަޒީފާއަށް ނުނިކުމެ ހުރުމަށް އެންގުން ފަދަ ފިޔަވަޅުތަކަކީ ސިވިލް ސަރވިސް މުވައްޒަފުންގެ މައްޗަށް އެޅިދާނެ ފިޔަވަޅުތަކެއް ކަމުގައި ސިވިލް ސަރވިސް ގަވާއިދުގައި ބަޔާންކޮށްފައިވާ ކަންކަމެވެ.13 މީގެ އިތުރުން، ދިވެހި ސިވިލް ސަރވިސްގެ ޤާނޫނާއި، ގަވާއިދާއި، ދިވެހި ސިވިލް ސަރވިސްގެ ކޯޑް އޮފް ކޮންޑަކްޓްއާ ޚިލާފުވެފައިކަން ސިވިލް ސަރވިސް ކޮމިޝަނަށް ސާބިތުވުމުން، އެ މީހަކު ކުރި ކުށެއްގެ ކުޑަބޮޑު މިނަށް ބަލައިގެން އަޅާ ފިޔަވަޅެއްގެ ގޮތުން އެ މީހަކު ވަޒީފައިން ވަކިކުރުމާއި،14 ސިވިލް ސަރވިސް ގަވާއިދުގައި ބަޔާންކޮށްފައިވާ ކުށުގެ ދަރަޖަ 315 ގައި ހިމެނޭ ކުށެއް ކޮށްފިނަމަ، ކަމުގެ ކުޑަބޮޑު މިނަށް ބަލައި، މުވައްޒަފު ވަޒީފާގައި ބެހެއްޓުމަކީ އެކަށީގެންވާކަމެއް ކަމުގައިނުވާނަމަ އެ މުވައްޒަފަކު ވަޒީފާއިން ވަކިކުރުމަކީ16 ސިވިލް ސަރވިސް ކޮމިޝަނަށް ޤާނޫނުގެ ހުދޫދުގެ ތެރެއިން ކުރެވެން އޮންނަ ކަމެކެވެ.
23. ސިވިލް ސަރވިސް ކޮމިޝަނުން ތައުދީބީ ފިޔަވަޅު އެޅުމުގައި ގެންގުޅެނީ ވަޒީފާގައި އުޅޭ މީހުންނާމެދު ތައުދީބީ ފިޔަވަޅު އެޅުމުގައި ގެންގުޅޭ އާންމު އުސޫލެވެ. އެއީ މުވައްޒަފަކު ކުރިކަމަކަށާއި ކުރިން ފިޔަވަޅު އަޅާފައިވާ ކަން ނުވަތަ ނޫންކަން ނުވަތަ ފިޔަވަޅު އަޅާފައިވާ މިންވަރަށް ރިއާޔަތްކޮށް، ވަޒީފާއަދާ ކުރުމުގައި ކުރާކަމަކާމެދު ފިޔަވަޅު އެޅުމުގައި އަޅާ ފިޔަވަޅުތައް ވަރުގަދަވާ ނުވަތަ ބޮޑުވާ (escalating) ބީދައިން ފިޔަވަޅު އެޅުމެވެ. ހަމަ އެއާއެކު، ކަމުގެ ކުޑަބޮޑުމިނަށް ބަލައި ފުރަތަމަ ފިޔަވަޅެއްގެ ގޮތުންވެސް ވަޒީފާއިން ވަކިކުރުމުގެ ކަންކަން ކުރިއަށް ގެންދިއުމަކީ ސިވިލް ސަރވިސް ކޮމިޝަނަށް ލިބި އޮންނަ އިޚްތިޔާރެކެވެ.
24. ހަމަ އެއާއެކު، ސިވިލް ސަރވިސް މުވައްޒަފުންނާމެދު ފިޔަވަޅު އެޅުމުގައި އަމަލުކުރަންޖެހޭ އިޖުރާއަތަކީވެސް އާންމުކޮށް ވަޒީފާގެ މައްސަލަތަކުގައި އަމަލުކުރަން އޮންނަ އިޖުރާއަތާ އެއްގޮތް އިޖުރާއަތެކެވެ. އެގޮތުން، މުވައްޒަފާމެދު ފިޔަވަޅު އެޅުމުގެ ކުރިން މުވައްޒަފަށް ޖަވާބުދާރީ ވުމުގެ ފުރުސަތު ދިނުން ހިމެނޭކަން ފާހަގަކުރެވެއެވެ. އެހެންނަމަވެސް، މުވައްޒަފެއް ވަޒީފާގައި އިތުރަށް ބެހެއްޓުމަކީ އެކަށީގެންވާ ހަމަތަކަށް ބަލާއިރު ކުރެވޭނެ ކަމެއް ނޫންކަމަށް ކޮމިޝަނަށް ފެނިއްޖެނަމަ، ޖަވާބުދާރީވުމަށް ފުރުސަތު ދިނުމަކާ ނުލައި އެ މުވައްޒަފަކު ވަޒީފާއިން ވަކިކުރުމަކީ ވަކި ހާލަތްތަކެއްގައި ސިވިލް ސަރވިސް ކޮމިޝަނަށް ލިބި އޮންނަ އިޚްތިޔާރެކެވެ.17
25. މި ކޯޓަށް ހުށަހެޅި ބަލަމުން މިދާ މައްސަލައިގައި މުޞްޢަބް ޢަބްދުﷲ ވަނީ ވަޒީފާއިން ވަކިކޮށްފައެވެ. އަދި އޭނާ ވަޒީފާއިން ވަކިކޮށްފައިވަނީ އޭނާއާމެދު ކުރެވުނު ތުހުމަތުތަކަށް ޖަވާބިދާރީ ވުމުގެ ފުރުސަތު ދިނުމަށްފަހުކަން އެނގެން އޮވެއެވެ. އެހެންކަމުން، އެ އިޖުރާއަތުތައް ފުރިހަމަކުރި ކަމާމެދު ސުވާލެއް ނުއުފެދެއެވެ.
26. ސުވާލު އުފެދޭ ކަމެއް ގޮތުގައި އޮތް ކަމަކީ މުޞްޢަބް ޢަބްދުﷲ ގެ މައްޗަށް އެތަކެއް ތުހުމަތުތަކެއް ކުރެވި ތަހުޤީޤުކޮށް އޭނާއަށް އެކަންކަމުގައި ޖަވާބުދާރީވުމުގެ ފުރުސަތު ދީފައިވާއިރު، ވަޒީފާއިން ވަކިކުރިކަމަށް ބަޔާންކޮށް މުޞްޢަބް ޢަބްދުﷲ އަށް ދޫކުރި "ވަޒީފާއިން ވަކިކުރެއްވި ޗިޓު" ގައި އޭނާ ކުރި އަމަލުގެ ގޮތުގައި ހަވާލާދީފައިވާ ހަމައެކަނި އަމަލަކީ ދައުލަތުގެ ރަސްމީ ސިއްރު ލިޔުމެއް އާންމު ކުރުން އެކަނި ކަމުގައިވާހިނދު، އޭނާގެ މައްޗަށް އުފުލުނު އެހެން ތުހުމަތުތަކަކީވެސް އޭނާ ވަޒީފާއިން ވަކިކުރުމުގެ ސަބަބެއްގެ ގޮތުގައި ބެލެވިދާނެ ކަމާމެދު އުފެދޭ ސުވާލެވެ.
27. ސިވިލް ސަރވިސް ކޮމިޝަންގެ ފަރާތުން މުޞްޢަބް ޢަބްދުﷲ ވަޒީފާއިން ވަކިކުރުމަށް ނިންމި ނިންމުމަކީ މުޞްޢަބް ޢަބްދުﷲ ގެ މައްޗަށް ކުރެވުނު ތުހުމަތުތަކުގެ ތެރެއިން ދައުލަތުގެ ރަސްމީ ސިއްރު ލިޔުމެއް އާންމު ކުރުމުގެ ތުހުމަތުގެ އިތުރުން، (މި ރައުޔުގެ 15 ވަނަ ޕެރެގްރާފްގެ (ހ) އަދި (ށ) ގައި ފާހަގަކޮށްފައިވާ) މިނިސްޓްރީގައި ނެތް މުވައްޒަފަކު ސޮފްޓުވެއަރގައި ރަޖިސްޓްރީކޮށް ގަވާއިދާ ޚިލާފަށް މުސާރަދިނުމާއި، ވަޒީފާއާ ގުޅުން ހުރި ކަންކަމުގައި އިހުމާލުވުމާއި ނުފޫޒުގެ ބޭނުންކުރުމާއި ގުޅިފައިވާ ނިންމުމެއްނަމަ، އެކަންކަން ވަޒީފާއިން ވަކިކުރި ސަބަބުތަކުގެ ތެރޭގައި ސާފުކޮށް ފެންނަން އޮންނަންވާނެއެވެ. އެއީ ދިވެހި ސިވިލް ސަރވިސްގެ ޤާނޫނުގެ 47 ވަނަ މާއްދާގެ (ށ) ގެ ނައްސުން، ދިވެހި ސިވިލް ސަރވިސްގެ "... މުވައްޒަފަކު ވަޒީފާއިން ވަކިކުރާނަމަ، އެ މުވައްޒަފަކު ވަޒީފާއިން ވަކިކުރާ ސަބަބު ނުވަތަ ސަބަބުތައް، އެ މުވައްޒަފަކަށް ލިޔުމުން އަންގަންވާނެ" ކަމުގައި ބަޔާންކޮށްފައިވާތީއެވެ.
28. މުޞްޢަބް ޢަބްދުﷲ ވަޒީފާއިން ވަކިކުރި ސަބަބެއްގެ ގޮތުގައި ދައުލަތުގެ ރަސްމީ ސިއްރު ލިޔުމެއް އާންމު ކުރުން ހިމެނޭކަން އެނގެނީ "ވަޒީފާއިން ވަކިކުރެއްވި ޗިޓު" ގައި ބަޔާންކޮށްފައިވާ ވަޒީފާއިން ވަކިކުރި ސަބަބުގެ ތެރޭގައި ދިވެހި ސިވިލް ސަރވސް ގަވާއިދުގެ 271 ވަނަ މާއްދާގެ (ނ) ގެ 5.1 ވަނަ ނަންބަރަށް ހަވާލާދީފައިވާތީއެވެ. މުޞްޢަބް ޢަބްދުﷲ އަށް ދޫކުރި "ވަޒީފާއިން ވަކިކުރެއްވި ޗިޓު" ގައި ދިވެހި ސިވިލް ސަރވިސްގެ ގަވާއިދު 2014 ގެ 22 ވަނަ މާއްދާގެ އަކުރުތަކަކަށް ހަވާލާދީފައިވުމަކީ އޭނާ ވަޒީފާއިން ވަކިކުރުމުގައި އެހެން ސަބަބެއް ހިމެނޭކަން ދަލާލާތުކޮށްދޭ ކަމެއް ނޫނެވެ. އަދި މުޞްޢަބް ޢަބްދުﷲ ގެ މައްޗަށް ކުރެވުނު ތުހުމަތުތަކާ ގުޅިގެން އެކުލަވާލި ތަހުޤީޤު ރިޕޯޓުގައި މިނިސްޓްރީގައި ނެތް މުވައްޒަފަކު ސޮފްޓުވެއަރގައި ރަޖިސްޓްރީކޮށް ގަވާއިދާ ޚިލާފަށް މުސާރަދިނުމާއި، ވަޒީފާއާ ގުޅުން ހުރި ކަންކަމުގައި އިހުމާލުވުމާއި ނުފޫޒުގެ ބޭނުންކުރުމާއި ގުޅިގެން އޭނާއާމެދު ފިޔަވަޅު އަޅަންޖެހޭކަމަށް ބަޔާންކޮށްފައިވާ ނަމަވެސް، އެ ކަންކަމާ ގުޅިގެން ވަޒީފާއިން ވަކިކުރުމުގެ ފިޔަވަޅު ނޫން އެހެން ފިޔަވަޅުވެސް އެޅުމުގެ ފުރުސަތު އޮތް ކަންކަން ފާހަގަކުރަމެވެ.
29. ތެދެކެވެ. ދިވެހި ސިވިލް ސަރވިސްގެ ޤާނޫނުގައި ސިވިލް ސަރވިސްގައި މަސައްކަތްކުރާ ދާއިމީ މުވައްޒަފުން ވަޒީފާއިން ވަކިކުރެވިދާނެ ސަބަބުތަކުގެ ތެރޭގައި ސިވިލް ސަރވިސްގެ ޤާނޫނާއި، ދިވެހި ސިވިލް ސަރވިސްގެ ގަވާއިދާއި، ދިވެހި ސިވިލް ސަރވިސްގެ ކޯޑް އޮފް ކޮންޑަކްޓާ ޚިލާފުވިކަން ސިވިލް ސަރވިސް ކޮމިޝަނަށް ސާބިތުވުން ހިމެނެއެވެ.18 އެހެންނަމަވެސް، މި ޙާލަތުގައި، މުޞްޢަބް ޢަބްދުﷲ ގެ މައްޗަށް މައިގަނޑު 3 (ތިނެއް) ތުހުމަތެއް ކުރެވި ތަޙްޤީޤުކޮށްފައިވާއިރު، "ވަޒީފާއިން ވަކިކުރެއްވި ޗިޓު" ގައި އެ ކަންކަމުގެ ތެރެއިން ވަކިކަމަކަށް ހަވާލާދީފައިވުމުން، އެއީވެސް ސިވިލް ސަރވިސްގެ ޤާނޫނާއި، ގަވާއިދާއި، ކޯޑް އޮފް ކޮންޑަކްޓާ ޚިލާފުވާ ޙާލަތެއް ކަމުގައިވާއިރު، ވަޒީފާއިން ވަކިކުރި ސަބަބުގެ ގޮތުގައި ހިމަނާފައިވާ ކަންކަމުގެ ތެރޭގައި މުޞްޢަބް ޢަބްދުﷲ ގެ މައްޗަށް ތުހުމަތުކުރެވުނު އެހެން ކަންކަމަށް ސާފުކޮށް ހަވާލާދީފައި ނުވާހާ ހިނދަކު، ދިވެހި ސިވިލް ސަރވސް ގަވާއިދުގެ 271 ވަނަ މާއްދާގެ (ނ) ގެ 5.1 ވަނަ ނަންބަރުގައި ބުނާ އަމަލުގެ އިތުރުން އެހެން އަމަލެއް މުޞްޢަބް ޢަބްދުﷲ ވަޒީފާއިން ވަކިކުރުމުގެ ސަބަބެއް ގޮތުގައި ހިމެނޭކަމުގައި ބެލެވެން އޮތް ކަމުގައި އަހުރެން ނުދެކެމެވެ. އެއީ، (ކުރިންވެސް ފާހަގަކޮށްފައިވާ ފަދައިން) ދިވެހި ސިވިލް ސަރވިސްގެ ގަވާއިދު 2014 ގެ 22 ވަނަ މާއްދާއަކީ އާންމު މާއްދާއެއް ކަމުގައިވެފައި، ސިވިލް ސަރވިސްގެ ޤާނޫނާއި، ގަވާއިދާއި، ކޯޑް އޮފް ކޮންޑަކްޓާ ޚިލާފުވުމަކީ ކޮންމެ ހާލަތަކާ ގުޅިގެންވެސް މެދުވެރިވެދާނެ ކަމެއް ކަމުގައިވާއިރު، އެފަދަ އާންމު (general) ހަވާލާ ދިނުމެއްގެ ސަބަބުން މުޞްޢަބް ޢަބްދުﷲ ވަޒީފާއިން ވަކިކޮށްފައިވަނީ "ވަޒީފާއިން ވަކިކުރެއްވި ޗިޓު" ގައި ސާފުކޮށް ބަޔާންކޮށްފައިވާ އަމަލު (އެއީ ދިވެހި ސިވިލް ސަރވސް ގަވާއިދުގެ 271 ވަނަ މާއްދާގެ (ނ) ގެ 5.1 ވަނަ ނަންބަރުގައި ބުނާ އަމަލު) ފިޔަވާ އެހެން އަމަލުތަކެއްގެވެސް ސަބަބުން ކަމުގައި އަހުރެންނަށް އިފްތިރާޟު ނުކުރެވޭތީއެވެ.
30. އެހެންކަމުން، މުޞްޢަބް ޢަބްދުﷲ ގެ މައްޗަށް މައިގަނޑު 3 (ތިނެއް) ތުހުމަތުތަކެއް ކުރެވި އެކަންކަން ތަހުޤީޤުކޮށްފައިވާ ހިނދު، މުޞްޢަބް ޢަބްދުﷲ ވަޒީފާއިން ވަކިކުރުމަށް މެދުވެރި ސަބަބަކީ ދައުލަތުގެ އެއް އިދާރާއިން އަނެއް އިދާރާއަށް ރަސްމީ ހައިސިއްޔަތުން ފޮނުވާފައިވާ ސިއްރު ޑޮކިއުމެންޓެއް އަމިއްލަ ބޭނުމަކަށް ޓުވިޓަރގައި އާންމުކުރުންކަމުގައި ބަލަންޖެހެއެވެ. އަދި އޭނާ ވަޒީފާއިން ވަކިކުރުމުގެ ސަބަބެއް ކަމުގައި އެ އަމަލުގެ އިތުރުން އެހެން ކަމެއް ހިމެނޭކަމުގައި ބެލޭނެ ހަމައެއް އޮތްކަމުގައި އަހުރެން ނުދެކެމެވެ.
މުޞްޢަބް ޢަބްދުﷲ ޓުވިޓަރގައި އާންމުކުރީ ކޮން ލިޔުމެއް؟
31. މުޞްޢަބް ޢަބްދުﷲ ގެ ފަރާތުން 17 މޭ 2019 ގައި އޭނާގެ އަމިއްލަ ޓުވިޓަރގައި އާންމުކޮށްފައިވާ ލިޔުމަށް ބަލާއިރު، އެ ލިޔުމަކީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އިން 13 ނޮވެންބަރު 2018 ގައި އެންޓިކޮރަޕްޝަން ކޮމިޝަނަށް ހުށަހެޅި މައްސަލަ19 ބެލުމަށްފަހު އެ ކޮމިޝަނުން ނިންމާފައިވާ ނިންމުމެވެ. އަދި މި ލިޔުމަކީ އެންޓި ކޮރަޕްޝަން ކޮމިޝަނުން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒަށް ފޮނުވާފައިވާ ލިޔުމެއްކަމަށް ސިވިލް ސަރވިސް ކޮމިޝަނުން ބުނެއެވެ. ސިވިލް ސަރވިސް ކޮމިޝަނުގެ ފަރާތުން ބުނާ މިބުނުމަށް އިތުރަށް ބާރު ލިބޭ ސަބަބަކީ، އެ ލިޔުމުގައި "ތިޔަ މިނިސްޓްރީގެ" މިފަދައިން ހަވާލާދީފައިވާތީއާއި މައްސަލަ ހުށަހެޅިފަރާތަކީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް ކަމުގައި އެ ލިޔުމުގައި ބަޔާންކޮށްފައިވާތީއެވެ.
32. މިނުކުތާގައި، އެންޓި ކޮރަޕްޝަން ކޮމިޝަންގެ އެ ނިންމުމަކީ އިސްލާމިކް މިނިސްޓްރީގެ ފަރާތުން މުޞްޢަބް ޢަބްދުﷲ އަށްވެސް ފޮނުވާފައިވާ ލިޔުމެއް ކަމަށާއި، އެ ލިޔުމުގެ ކޮންޓެންޓް އިންގޮތަށް އެންޓި ކޮރަޕްޝަން ކޮމިޝަނުގެ ވެބްސައިޓުގައިވެސް ޝާއިއުކޮށްފައިވާތީ، އެ ލިޔުން ޓުވިޓަރގައި ހާމަކުރުމަކީ ދައުލަތުގެ ރަސްމީ ސިއްރު ލިޔުމެއް އާންމުކުރުން ކަމުގައި ނުބެލެވޭނެ ކަމުގައި މުޞްޢަބް ޢަބްދުﷲގެ ފަރާތުން ފާހަގަކުރެއެވެ. މުޞްޢަބް ޢަބްދުﷲ ގެ ފަރާތުން ބުނެފައިވާ ފަދައިން މުޞްޢަބް ޢަބްދުﷲ އާންމުކުރި ލިޔުމަކީ ދައުލަތުގެ ރަސްމީ ސިއްރު ލިޔުމެއްކަން ސާބިތުކުރުމުގެ ބުރަ އޮތީ ސިވިލް ސަރވިސް ކޮމިޝަނުގެ މައްޗަށް ކަމުގައިވާއިރު، އެ ލިޔުމަކީ ދައުލަތުގެ ސިއްރު މަޢުލޫމާތެއް އޭގައި ހިމެނޭ ލިޔުމެއް ނުވަތަ ދައުލަތުގެ ސިއްރު ލިޔުމެއް ކަމުގައި ބަލަންޖެހޭ އެއްވެސް ހެއްކެއް ސިވިލް ސަރވިސް ކޮމިޝަނުން ހުށަހަޅާފައިނުވެއެވެ.
33. މުޞްޢަބް ޢަބްދުﷲ އާންމުކުރި ލިޔުމަކީ ދައުލަތުގެ ރަސްމީ ސިއްރު ލިޔުމެއްކަން އެނގެން ނެތްނަމަވެސް، ދައުލަތުގެ އެއް އިދާރާއިން އަނެއް އިދާރާއަށް ފޮނުވާ ރަސްމީ ލިޔެކިޔުންތަކަކީ އެ އިދާރާތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ އަމިއްލަ ބޭނުންތަކަށް ބޭނުންކުރެވޭ ނުވަތަ އެ މުވައްޒަފުންނަށް ފެންނަ ހާލަތްތަކުގައި އާންމުކުރެވޭ ތަކެތި ކަމުގައިވުމަކީ އެކަށީގެންވާ ކަމެއްކަމުގައި އާންމު ބުއްދީގެ ހަމައިން ނުބެލެވެއެވެ. އަދި މިފަދަ ކަންކަން އެ އިދާރާތަކުގައި މަސައްކަތް ކުރާ މުވައްޒަފުން އަދި ވަކިން ޚާއްޞަކޮށް ތަނުގެ އިސްވެރިންގެ ފަރާތުން ފެނުމަކީ އޭގެ ނޭދެވޭ އަސަރު މުޅި އިދާރާއަށް ކުރާނެ ކަމެކެވެ.
34. އެހެންކަމުން، އެންޓި ކޮރަޕްޝަން ކޮމިޝަނުން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒަށް ފޮނުވާފައިވާ ލިޔުމެއް ކަމަށް މުޞްޢަބް ޢަބްދުﷲ މީސްމީޑިއާގައި އާންމުކުރުމަކީ އޭނާ ވަޒީފާއިން ވަކިކުރުމަށް އެކަށީގެންވާ ސަބަބެއްތޯ ނުވަތަ ނޫންތޯ؟
35. ވަޒީފާގައި ހުރި މުވައްޒަފަކު ވަކިކުރުމުގައި ޢަމަލުކުރަންޖެހޭ އިޖުރާއަތުގެ ގޮތުގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އިސްމާޢީލް މަސްޢޫދު ވ. ހައުސިންގ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން ލިމިޓެޑް20 އަދި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް ވ. ޖާބިރު ޢަބްދުއްރަޙްމާން21 ޤަޟިއްޔާގައި އެކަށައަޅާފައިވާ ލާޒިމު އިޖުރާއަތަކީ، ސިވިލް ސަރވިސް ކޮމިޝަން ހިމެނޭގޮތުން، (ވަޒީފާއާބެހޭ ޤާނޫނުން އިސްތިސްނާ ކޮށްފައިވާ ފަރާތްތައް ފިޔަވައި) ދިވެހިރާއްޖޭގައި ވަޒީފާއަދާކުރާ ހުރިހާ ފަރާތެއްވެސް ވަޒީފާއިން ވަކިކުރުމުގައި، އެ މައްޗަށް ޢަމަލުކުރަންޖެހޭ އިޖުރާއަތެކެވެ.
36. މުވައްޒަފަކު ވަޒީފާއިން ވަކިކުރުމާ ގުޅިގެން، އެ މުވައްޒަފަކު ހުށަހަޅާ ޝަކުވާއެއް ނުވަތަ ދައުވާއެއްގައި، އެ މުވައްޒަފަކު ވަޒީފާއިން ވަކިކުރި ސަބަބަކީ އެކަށީގެންވާ ސަބަބެއްކަން ސާބިތުކޮށް ދިނުމަކީ ވަޒީފާދޭ ފަރާތުގެ ޒިންމާއެކެވެ. އިސްމާޢީލް މަސްޢޫދު ވ. ހައުސިންގ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން ލިމިޓެޑް22 ގަޒިއްޔާގައި ފަނޑިޔާރު ހުސްނުއްސުޢޫދު ފާހަގަކުރައްވާފައިވާ ފަދައިން، ކޮންމެ ކޮންމެ ޣައިރު ސުލޫކީ ޢަމަލަކީ އެ ޢަމަލެއްގެ ސަބަބުން މީހަކު ވަގުތުން ވަޒީފާއިން ވަކިކުރަން ޖެހޭވަރުގެ ޢަމަލަކަށް ނުވެދާނެއެވެ. މުވައްޒަފެއްގެ ކިބައިން ހިނގާ ނޭދެވޭ ސުލޫކީ ޢަމަލުތަކާމެދުވެސް ފިޔަވަޅު އަޅަންވާނީ އެ ޢަމަލެއްގެ ކުޑަބޮޑުމިނަށް ބަލައި، އެ ޢަމަލަކާ އެކަށީގެންވާ ގޮތަކަށެވެ.
37. މުޞްޢަބް ޢަބްދުﷲ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ޕަރމަނަންޓް ސެކްރެޓަރީގެ މަޤާމުން ވަކިކޮށްފައިވަނީ ދައުލަތުގެ ރަސްމީ ސިއްރު ލިޔުމެއް އާންމު ކުރުމުގެ ސަބަބުން ކަމުގައިވާއިރު، މުޞްޢަބް ޢަބްދުﷲ އާންމު ކުރި ލިޔުމަކީ ދައުލަތުގެ ރަސްމީ ސިއްރު ލިޔުމެއްކަން ސިވިލް ސަރވިސް ކޮމިޝަނަށް ޝަރީއަތުގައި ދައްކާދެވިފައި ނުވާތީ، އަދި މުޞްޢަބް ޢަބްދުﷲ އާންމު ކުރި ލިޔުމަކީ ދައުލަތުގެ ސިއްރެއް ހިމެނޭ ލިޔުމެއްކަން އެނގެން ނެތް ހާލަތުގައި، އޭނާ ކުރި އަމަލަކީ ދިވެހި ސިވިލް ސަރވިސްގެ ގަވާއިދުގައި ބަޔާންކުރާ ތައުދީބީ ފިޔަވަޅުތަކުގެ ތެރެއިން އެންމެ ހަރުކަށި ފިޔަވަޅުކަމުގައި އޮތް ވަޒީފާއިން ވަކިކުރުމުގެ ފިޔަވަޅު އަޅަންޖެހޭ ހާލަތެއް ކަމުގައި ބެލެވެން އޮތްކަމުގައި އަހުރެން ނުދެކެމެވެ.
38. އެހެންކަމުން، މުޞްޢަބް ޢަބްދުﷲ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ޕަރމަނަންޓް ސެކްރެޓަރީގެ މަޤާމުން ވަކިކޮށްފައިވަނީ އެކަށީގެންވާ ސަބަބެއްގެ މައްޗަށް ބިނާކޮށްކަމުގައި ބެލެވެން ނެތްކަމަށާއި، މުޞްޢަބް ޢަބްދުﷲ ވަޒީފާއިން ވަކިކުރުމުގައި މައުޟޫޢީ ޢަދުލުވެރިކަން ޤާއިމުވެފައި ނުވާކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ކަނޑައަޅާފައިވަނީ ޤާނޫނީ އުސޫލުތަކާ އެއްގޮތަށް ކަމުގައި އަހުރެން ދެކެމެވެ.
ބަދަލުގެ މިންވަރު
39. ވަޒީފާއާބެހޭ ޤާނޫނުގެ 29 ވަނަ މާއްދާގެ (ށ) އިން އެނގެނީ އެކަށީގެންވާ ސަބަބެއް ނެތި ވަޒީފާއިން ވަކިކުރާ މުވައްޒަފަކަށް ދެވިދާނެ އެންމެ އަސާސީ ޙައްލަކީ މުވައްޒަފަކު ވަކިކުރިއިރު އަދާކުރަމުންދިޔަ ވަޒީފާއަށް ރުޖޫއަކުރުމެވެ. މި މައްސަލައިގައި ވަޒީފާ ރުޖޫޢަކޮށްދިނުމަށް މުޞްޢަބް ޢަބްދުﷲ ގެ ފަރާތުން ސިވިލް ކޯޓުގައި އެދިފައިވީ ނަމަވެސް، ދިވެހިރާއްޖޭގެ ހައިކޯޓު އަދި ސުޕްރީމް ކޯޓުގައި ވެސް މުޞްޢަބް ޢަބްދުﷲ ގެ ފަރާތުން އެދިފައިވަނީ، އޭނާ ވަޒީފާއިން ވަކިކޮށްފައިވަނީ ޤާނޫނާ ޚިލާފަށް ކަމުގައި ކަނޑައަޅައި، މުޞްޢަބް ޢަބްދުﷲ ވަޒީފާއަށް ނުކުތުން މަނާކޮށްފައި ހުރި މުއްދަތުގައި މުސާރައާއި އެލަވަންސް އަދި ސިވިލް ސަރވިސް ކޮމިޝަނާއި މުޞްޢަބް ޢަބްދުﷲ އާ ދެމެދު ވެފައިވާ ވަޒީފާގެ އެއްބަސްވުމުގެ މުއްދަތު ހަމަވާ ތާރީޚް ކަމުގައިވާ 24 ޖުލައި 2022 ގެ ނިޔަލަށް، އެ ފަރާތަށް ލިބެންޖެހޭ އެންމެހާ މުސާރަ އާއި ޢިނާޔަތްތައް ނަގައިދިނުމަށެވެ.
40. މުޞްޢަބް ޢަބްދުﷲ ވަޒީފާއަށް ނުކުތުން މަނާކޮށްފައި ހުރި މުއްދަތުގައި މުސާރައާއި އެލަވަންސްގެ ގޮތުގައި 86,333.33ރ. (އަށްޑިހަ ހަހާސް ތިންސަތޭކަ ތިރީސް ތިން ރުފިޔާ ތިރީސް ތިން ލާރި) މުޞްޢަބް ޢަބްދުﷲ ލިބެންޖެހި ނުލިބި އޮތްކަން ހައިކޯޓުގެ ޤަޟިއްޔާއިން އެނގެން އޮވެއެވެ. އެހެންކަމުން އެ ފައިސާއަކީ މުޞްޢަބް ޢަބްދުﷲ އަށް ލިބިދޭންޖެހޭ ފައިސާ އެއް ކަމުގައި ދެކެމެވެ.
41. މުޞްޢަބް ޢަބްދުﷲ ވަޒީފާއިން ވަކިކުރި ތާރީޚު ކަމުގައިވާ 10 ސެޕްޓެންބަރު 2019 އިން ފެށިގެން ސިވިލް ސަރވިސް ކޮމިޝަނާއި މުޞްޢަބް ޢަބްދުﷲ އާ ދެމެދު ވެފައިވާ ވަޒީފާގެ އެއްބަސްވުމުގެ މުއްދަތު ހަމަވާ ތާރީޚް ކަމުގައިވާ 24 ޖުލައި 2022 ގެ ނިޔަލަށް މުޞްޢަބް ޢަބްދުﷲ އަށް ލިބެންޖެހޭ އެންމެހާ މުސާރަ އާއި ޢިނާޔަތްތައް ނަގައިދިނުމަށް މުޞްޢަބް ޢަބްދުﷲ އެދި، އެ ފައިސާ ހައިކޯޓުން ނަގާދީފައިވާ ވުމުގެ މައްޗަށް ބަލާއިރު، މުޞްޢަބް ޢަބްދުﷲ ގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި ދަޢުވާ ފޯމުގައި އެއްބަސްވުމުގެ ބާކީ މުއްދަތަށްވާ މުސާރައާއި ޢިނާޔަތްތައް ހޯދުމަށް އެދިފައި ނުވާކަމާއި،23 އެދިފައިވަނީ ވަޒީފާ އަނބުރާ އިޢާދަކޮށްދިނުމަށްކަމާއި، ނަމަވެސް ހައިކޯޓު މަރުހަލާގައި އެދިފައިވަނީ އޭނާ ވަޒީފާއިން ވަކިކޮށްފައިވަނީ ޤާނޫނާ ޚިލާފަށްކަމަށް ކަނޑައެޅޭ ހާލަތުގައި، ސިވިލް ސަރވިސް ކޮމިޝަނާއި މުޞްޢަބް ޢަބްދުﷲ އާ ދެމެދު ވެވުނު ވަޒީފާގެ އެއްބަސްވުމުގެ މުއްދަތަށްވާ މުސާރައާއި އިނާޔަތްތައް ލިބިދިނުމަށްކަން ފާހަގަވެއެވެ.
42. މި މައްސަލައިގައި ސިވިލް ކޯޓުގައި އެދުނު ފަރުވާއަށާއި ފަހުން ހައިކޯޓުން ނަގައިދީފައިވާ ބަދަލަށް ރިޢާޔަތްކުރާއިރު، މައްސަލައިގެ ހާލަތަށް ބަދަލު އައިސްފައިވަނީ ކޯޓު މަރުހަލާގައެވެ. އެހެންގޮތަކަށް ބުނާނަމަ، ހައިކޯޓުން މައްސަލަ ނިންމިއިރު، ސިވިލް ކޯޓުގައި މުޞްޢަބް ޢަބްދުﷲ ގެ ފަރާތުން އެންމެ ފުރަތަމަ އެދުނު ވަޒީފާއަށް އަލުން އަނބުރާ ރުޖޫޢަކޮށްދިނުމުގެ ހައްލަކީ އޭރު ދެވެން އޮތް ހައްލެއް ނޫނެވެ.
43. ނަމަވެސް ވަޒީފާއާބެހޭ މައްސަލަތަކުގައި ގެއްލުމުގެ ބަދަލު ނަގައިދިނުމުގައި ރިޢާޔަތްކުރަންޖެހޭ ކަންތައްތަކެއް ޢަލީ ވަޙީދު ވ. ދައުލަތް (މިނިސްޓްރީ އޮފް ޑިފެންސް) މައްސަލައާއި24 ޙުސައިން ނަޒީފް ވ. ސިވިލް ސަރވިސް ކޮމިޝަން މައްސަލައިގައި25 ކަނޑައަޅާފައިވެއެވެ. އަދި މި އެންމެހައި ކަންކަމަކީ ދަށު މަރުހަލާގައި ޓްރައިބިއުނަލަށް ނުވަތަ ކޯޓަށް ހެކި ހުށަހެޅި ގޮތް ކަނޑައަޅަންޖެހޭ ކަންކަން ކަމުން، މުޞްޢަބް ޢަބްދުﷲ އަށް ލިބިދޭންޖެހޭ ބަދަލު މި މަރުޙަލާގައި ކަނޑައެޅޭނެ ކަމުގައި ނުދެކެމެވެ. އެހެންކަމުން، މުޞްޢަބް ޢަބްދުﷲ ގެ ފަރާތުން އެއްބަސްވުމުގެ ބާކީ މުއްދަތަށްވާ މުސާރައާއި ޢިނާޔަތްތައް ހޯދުމަށް އެދިފައިވަނީ ހަމައެކަނި ހައިކޯޓުގައި ކަމުން، އެ ފައިސާއަކީ އޭނާއަށް މި މައްސަލައިގެ ތެރެއިން ޝަރީޢަތް މެދުވެރިކޮށް ނަގާދެވިދާނެ ފައިސާއެއް ކަމުގައި އަހުރެން ނުދެކެމެވެ.26
44. އެހެންނަމަވެސް، މުޞްޢަބް ޢަބްދުﷲ ގެ ފަރާތުން ގެއްލުމުގެ ބަދަލު ހޯދުމަށް އެދޭނަމަ، ބަދަލުގެ މިންވަރު ކަނޑައެޅުމުގައި ބަލަންޖެހޭ އެކި ކަންކަން ހުންނަކަމުން، އަދި ބަދަލުގެ މިންވަރު ކަނޑައަޅަންޖެހޭނީ ހުށަހެޅޭ ކޮންމެ މައްސަލަ އެއްގައި އެ މައްސަލައިގެ ޙަޤީޤަތްތަކުގެ މައްޗަށް ބިނާކޮށް ކަމުގައިވާތީ، ބަދަލު ނަގާދިނުމުގައި ރިއާޔަތްކުރަންޖެހޭ ކަންކަމުގެ ގޮތުގައި ޢަލީ ވަޙީދު ވ. ދައުލަތް (މިނިސްޓްރީ އޮފް ޑިފެންސް) މައްސަލައާއި ޙުސައިން ނަޒީފް ވ. ސިވިލް ސަރވިސް ކޮމިޝަން މައްސަލައިގައި ބަޔާންކޮށްފައިވާ ކަންކަމުގެ އަލީގައި ގޮތެއް ކަނޑައެޅުމަށްޓަކައި، ގެއްލުމުގެ ބަދަލާ ގުޅޭގޮތުން މުޞްޢަބް ޢަބްދުﷲ އަށް ވަކި މައްސަލައެއް ހުށަހެޅިދާނެ ކަމުގައި ދެކެމެވެ.
ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ ރައުޔު
45. މި މައްސަލައިގައި ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުގެ ރައުޔު
46. މި މައްސަލައިގައި ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ޙުކުމް
ދެންފަހެ، އިސްވެ ބަޔާން ވެދިޔަ ކަންކަން އެގޮތުގެމަތިން ހުރުމާއެކު:
(ހ) ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2021/HC-A/46 ޤަޟިއްޔާއިން ބަދަލުގެ މިންވަރު ކަނޑައެޅުމުގައި މުޞްޢަބް ޢަބްދުﷲ ވަޒީފާއިން ވަކިކުރި ތާރީޚުން ފެށިގެން ސިވިލް ސަރވިސް ކޮމިޝަނާއި މުޞްޢަބް ޢަބްދުﷲ އާ ދެމެދު ވެފައިވާ ވަޒީފާގެ އެއްބަސްވުމުގެ މުއްދަތު ހަމަވި ތާރީޚްއާ ހަމައަށް ލިބެންޖެހޭ އެންމެހާ މުސާރަ އާއި ޢިނާޔަތްތައް ނަގައިދިނުމަށް ހައިކޯޓުން ކަނޑައަޅާފައިވާ ބައި ބާޠިލުކޮށް؛
(ށ) މުޞްޢަބް ޢަބްދުﷲ ވަޒީފާއިން ވަކިކުރި ތާރީޚުން ފެށިގެން ވަޒީފާގެ އެއްބަސްވުމުގެ މުއްދަތު ހަމަވި ތާރީޚްއާ ހަމައަށް ލިބެންޖެހޭ އެންމެހާ މުސާރަ އާއި ޢިނާޔަތްތައް ނަގައިދިނުމަށް ހައިކޯޓުން ކަނޑައެޅި ކަނޑައެޅުން ފިޔަވައި، އެ ނިންމުމުގެ އެހެނިހެން ބައިތަކަށް ތާއީދުކޮށް؛
(ނ) މުޞްޢަބް ޢަބްދުﷲ ގެ ފަރާތުން ގެއްލުމުގެ ބަދަލު ހޯދުމަށް އެދޭނަމަ، އެ މައްސަލަ ވަކި މައްސަލައެއްގެ ގޮތުގައި ހުށަހެޅުމުގެ ޙައްޤު މުޞްޢަބް ޢަބްދުﷲ އަށް ލިބިގެންވާކަމުގައި ކަނޑައަޅައި؛
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމް ކޮށްފީމެވެ.
މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ: އަޒްމިރާލްދާ ޒާހިރު ޢާއިޝާ ޝުޖޫން މުޙައްމަދު މަޙާޒު ޢަލީ ޒާހިރު (ރިޔާސަތު)
1
2 މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ފައިނޭންޝިއަލް އެގްޒެކެޓިވްގެ މަޤާމަށް ދާއިމީ ގޮތުން މީހަކު ހަމަޖެއްސުމާއި ހަމައަށް ވަގުތީ ގޮތުން އެ މަޤާމުގެ ޒިންމާތައް، 19 ނޮވެންބަރު 2018 ގައި މުޞްޢަބް ޢަބްދުﷲ އާ ހަވާލުކޮށްފައިވެއެވެ. އޭގެފަހުން 31 ޑިސެންބަރު 2018 ގައި، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ފައިނޭންޝިއަލް އެގްޒެކްޓިވް މަޤާމަށް ދާއިމީ މުވައްޒަފެއްގެ ގޮތުގައި މުޞްޢަބް ޢަބްދުﷲ ހަމަޖައްސާފައިވެއެވެ.
3 ޤާނޫނު ނަންބަރު 2007/5 (ދިވެހި ސިވިލް ސަރވިސްގެ ޤާނޫނު)
4 ސިވިލް ސަރވިސް ކޮމިޝަނުގެ ނަންބަރު (2)CSC/2019/01015 "ވަޒީފާއިން ވަކިކުރެއްވި ޗިޓް" (10 ސެޕްޓެންބަރު 2019)
5 ސުޕްރީމް ކޯޓުގެ ނަންބަރު 2018/SC-A/49 ޤަޟިއްޔާ
6 ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-L/91 ނިންމުން
7 ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-A/36 ޤަޟިއްޔާ
8 ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-L/91 ނިންމުން
9 ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-A/36 ޤަޟިއްޔާ
10 ދިވެހި ސިވިލް ސަރވިސްގެ ގަވާއިދު 2014 ގެ 281 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުން، ޕަރމަނެންޓް ސެކްރެޓަރީއިން ދިވެހި ސިވިލް ސަރވިސްގެ ޤާނޫނާއި، ދިވެހި ސިވިލް ސަރވިސްގެ ގަވާއިދާ އަދި ދިވެހި ސިވިލް ސަރވިސްގެ ކޯޑް އޮފް ކޮންޑަކްޓާ ޚިލާފަށް އަމަލުކުރާކަމުގެ ތުހުމަތުތައް ބަލާނީ ސިވިލް ސަރވިސް ކޮމިޝަނުންނެވެ.
11 ސިވިލް ސަރވިސް ކޮމިޝަންގެ ތަޙްޤީޤު ރިޕޯޓުގައި މުޞްޢަބް ޢަބްދުﷲގެ މައްޗަށް ހުށަހެޅުނު މައްސަލަތަކުގެ ގޮތުގައި 3.2 އަދި 3.3 ގެ ގޮތުގައި ހިމަނާފައިވާ މައްސަލަތައް ހުށަހެޅި ކަމަށް ބަޔާންކޮށްފައިވާ ފަރާތާ ކޮމިޓީން ސުވާލުކުރުމުން އެ މައްސަލަ ހުށަހެޅިކަމަށް އެ ފަރާތުން އިންކާރުކޮށްފައިވާތީ އެ މައްސަލަތައް ބަލާފައިނުވާ ކަމުގައި ކޮމިޓީން ފާހަގަކޮށްފައިވެއެވެ.
12 މިއީ ޤާނޫނާއި ގަވާއިދާ ޚިލާފަށް ދައުލަތުގެ ސިއްރު މަޢުލޫމާތު ހާމަ ކުރުމަކީ ދަރަޖަ 3 ގެ ވަޒީފާގެ ކުށެއް ކަމުގައި ބަޔާންކުރާ މާއްދާއެވެ.
13 ދިވެހި ސިވިލް ސަރވިސްގެ ގަވާއިދު 2014 ގެ 271 ވަނަ މާއްދާ، 272 ވަނަ މާއްދާ، 273 ވަނަ މާއްދާ
14 ދިވެހި ސިވިލް ސަރވިސްގެ ގަވާއިދު 2014 ގެ 103 ވަނަ މާއްދާގެ (ރ) ގެ (5) ވަނަ ނަންބަރު
15 ދިވެހި ސިވިލް ސަރވިސްގެ ގަވާއިދު 2014 ގެ 271 ވަނަ މާއްދާގެ (ނ) ގެ ދަށުން ބަޔާންކޮށްފައިވާ ކަންކަން
16 ދިވެހި ސިވިލް ސަރވިސްގެ ގަވާއިދު 2014 ގެ 270 ވަނަ މާއްދާގެ (ހ)
17 ދިވެހި ސިވިލް ސަރވިސްގެ ގަވާއިދު 2014 ގެ 273 ވަނަ މާއްދާ
18 ޤާނޫނު ނަންބަރު 2007/5 (ދިވެހި ސިވިލް ސަރވިސްގެ ޤާނޫނު) ގެ 47 ވަނަ މާއްދާގެ (ނ) ގެ (3) ވަނަ ނަންބަރު
19 މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ހިއުމަން ރިސޯސަސް ސެކްޝަނުގެ މުވައްޒަފެއް ކަމުގައިވާ އިބްރާހީމް ފަޒީލް، މިނިސްޓްރީގެ މުވައްޒަފުންގެ މުސާރަ ތައްޔާރުކުރުމުގައި މިނިސްޓްރީގެ އޮނިގަނޑުގައި ހިމެނޭ ހުސް މަޤާމަކަށް މުވައްޒަފެއްގެ ވަގު އައިޑީއެއް ތައްޔާރުކޮށް، އެކި ފަހަރުމަތިން މުސާރައިގެ ގޮތުގައި ގިނަ ޢަދަދެއްގެ ފައިސާ ޖަމާކޮށް ފައިސާއަށް ޚިޔާނަތްތެރި ވެފައިވާކަން ފާހަގަކުރެވިފައިވާ ކަމަށާއި، އޭނާ އެކަން ކުރީ އޭނާގެ ވެރިންގެ ގޮތުގައި ތިބި އެޗް.އާރު ސެކްޝަން ހިންގުމާ ހަވާލުވެހުރި މުޙައްމަދު ޝަރީފާއި ޕާމަނަންޓް ސެކްރެޓަރީ މުޞްޢަބް ޢަބްދުﷲ ގެ އެހީތެރިކަމާއެކު ކަމަށް ފެންނަ ކަމަށާއި، މައްސަލަ ފެންމަތިވި ފަހުން އެކަމަށް ބަދަލެއް ނުގެނެސް ޕާމަންޓް ސެކްރެޓަރީ ހުރެފައިވަނީ މަދުވާ ލިޔުންތައް ނައްތާލައި / އުފެއްދުމަށްޓަކައި ކަމަށްވެސް ބެލެވޭ ކަމަށް ބުނާ މައްސަލަ.
20 ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ 2014/SC-A/27 ގަޟިއްޔާ
21 ފުޓްނޯޓް 5
22 ފުޓްނޯޓް 20
23 މުސްޢަބް ޢަބްދުﷲ ގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި 'އިދާރީ މައްސަލަތައް ބަލާ ޑިވިޜަނަށް މައްސަލަ ހުށަހަޅާ ފޯމު' ގެ 9 ވަނަ ނަންބަރު (ސިވިލް ކޯޓުގެ ނަންބަރު 3684/Cv-C/2019 ޤަޟިއްޔާގެ ދަޢުވާ ފޯމު)
24 ޢަލީ ވަޙީދު ވ. ދައުލަތް (މިނިސްޓްރީ އޮފް ޑިފެންސް) މައްސަލައިގައި ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމް އަންނަނިވި ކަންކަން ފާހަގަކުރައްވާފައިވެއެވެ.
(ހ) މުވައްޒަފު އަދާކުރި ވަޒީފާގެ ބާވަތް.
(ށ) ވަޒީފާގައި ހޭދަކުރި މުއްދަތު.
(ނ) މުވައްޒަފު ވަޒީފާއިން ވަކިކުރެވުނުއިރު ލިބެމުންދިޔަ މުސާރަ އާއި ޢިނާޔަތް.
(ރ) ވަޒީފާއިން ވަކިކުރުމުގައި ވަޒީފާދޭ ފަރާތުގެ ބޭއިންސާފު ޢަމަލުތައް ހުރި ގޮތް.
(ބ) ވަޒީފާއިން ވަކިކުރެވުނު ފަރާތުގެ ޢުމުރަށް ރިޢާޔަތްކޮށް އެހެން ވަޒީފާއެއް އަދާކުރެވިދާނެތޯ.
(ޅ) ވަޒީފާއިން ވަކިކުރަންޖެހުނީ އެ މުވައްޒަފެއްގެ ވެސް ކޮންމެވެސް ވަރެއްގެ ނުރަނގަޅު ޙިއްޞާއެއް ނުވަތަ އިޙުމާލެއް އޮވެގެންތޯ.
(ކ) ގެއްލުމުގެ މިންވަރު ކުޑަކުރުމުގެ ގޮތުން ވަޒީފާއިން ވަކިކުރި ފަރާތުން އެއްވެސް މަސައްކަތެއް ކުރިތޯ. މީގެ ތެރޭގައި އެހެން ވަޒީފާއެއް ހޯދަން އުޅުމާއި އެހެން މަސައްކަތެއްކޮށްގެން އާމްދަނީ ހޯދުމަށް އެއްވެސް މަސައްކަތެއް ކުރިތޯ ބެލިދާނެއެވެ.
(އ) ވަޒީފާއަށް ރުޖޫޢަކުރާ ޙާލަތްތަކުގައި ވަޒީފާއަށް ރުޖޫއަކުރުމަކީ އަސާސީ ޙައްލުކަމާއި އަދި އެ ފަރާތަށް އެ ޙައްލުގެ ލިބިދިނުމުގެ އިތުރުން، ބަދަލު ދިނުމުގެ ސަބަބުން ނުޙައްގު ނުވަތަ ބޭއިންސާފު މުއްސަނދިކަމެއް ލިބޭތޯ.
(ވ) ބަޔާންވެދިޔަ ކަންކަމުގެ މައްޗަށް ރިޢާޔަތް ކުރެވިގެން ބަދަލުގެ މިންވަރު ކަނޑައެޅޭއިރު ލިބެމުންދިޔަ މުސާރަ އާއި ޢިނާޔަތްތަކުގެ މައްޗަށް އެކަނި ބަލައި ބަދަލުގެ މިންވަރު ހިސާބު ކުރާނީ ތޯ ނުވަތަ މުވައްޒަފަކު ވަޒީފާއިން ވަކިކުރެވުނީ ޤާނޫނުން ލިބިގެންވާ ޙައްޤެއް ބޭނުން ކުރީތީވެ ކަން ސާބިތުވާ ހިނދު، އިތުރު ބަދަލެއް ވަޒީފާދޭ ފަރާތުން ނަގައިދޭން ޖެހޭތޯ.
25 ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-A/22 ޤަޟިއްޔާގެ ޕެރެގްރާފް 37 ގައި، ބަދަލު ލިބިދިނުމުގައި، ވަޒީފާ އަދާ ކުރާ ފަރާތް ވަޒީފާއިން ވަކިކުރުމުގެ ސަބަބުން އޭނާގެ އަބުރަށް ގެއްލުން ލިބިފައިވޭތޯ އާއި، އޭގެ ސަބަބުން ވަޒީފާ އަދާ ކުރާ ފަރާތަށް އެހެން ވަޒީފާއެއް ލިބުމަށް ނުވަތަ ވަކި ފަންނެއްގެ މަސައްކަތެއް ކުރުމަށް ހުރަސް އެޅިފައިވާކަން ނުވަތަ ނޫންކަމުގެ މައްޗަށްވެސް ބަލަންވާނެ ކަމުގައި އަހުރެން ބަޔާންކޮށްފައިވާނެއެވެ.
26 މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް ވ. އަސްފާޤު ވަޙީދު (ސުޕްރީމް ކޯޓުގެ ނަންބަރު 2018/SC-A/36 ޤަޟިއްޔާގެ ޕެރެގްރާފް 61 އާއި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް ވ. ޖާބިރު ޢަބްދުއްރަޙްމާން (ސުޕްރީމް ކޯޓުގެ ނަންބަރު 2018/SC-A/49 ޤަޟިއްޔާގެ ޕެރެގްރާފް 61
2022/SC-A/100 [2024] SC 02
2019/SC-A/300 [2021] SC 778
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.