ދިވެހިރާއްޖޭގެ މަތީ މަރުޙަލާގެ ކޯޓުތަކުން ކަނޑައަޅާފައިވާ ޤާނޫނީ އުޞޫލުތައް

Maldives Legal Precedents

Saeed Lex
[2024] SC 05 · 2021/SC-A/81ސުޕްރީމް ކޯޓު · 18 ފެބުރުއަރީ 2024

ޢަބްދުﷲ ތަސްލީމް ޢަބްދުލްޙަކީމް ވ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ

ސުޕްރީމް ކޯޓު
ފަހުގެ ޙުކުމެއްގައި ޙަވާލާދީފައެއް ނުފެނޭޙުކުމުގެ ހާލަތު
ސުޕްރީމް ކޯޓު · 18 ފެބުރުއަރީ 2024ބާވަތް: މަދަނީ

ޚުލާޞާ

ޚުލާޞާ ނެތް.

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
—
ފަހުގެ ތާރީޚު
—

ނިންމުން

—

ކޯ ޓާމްސް

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

މި ލިޔުމުން އުޞޫލެއް ނުނެގުނު.

ފަނޑިޔާރުން

ބެންޗު
—
ޚިލާފު ރައުޔު
ނެތް

ޝަރީޢަތުގެ ވީޑިއޯ

ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.

 ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު [2024] SC 05 2021/SC-A/81 ޝަރީޢަތް ނިމުނުގޮތް ޢަބްދުﷲ ތަސްލީމް ޢަބްދުލްޙަކީމް ވ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ ފަނޑިޔާރުންގެ މަޖިލިސް ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިން ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދު

ނިމުނު ތާރީޚު 18 ފެބްރުއަރީ 2024

އިސްތިއުނާފު ކުރެވުނު ޤަޟިއްޔާ 2018/HC-A/262 އިސްތިއުނާފު ރައްދުވާ ފަރާތް އިސްތިއުނާފުކުރާ ފަރާތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ ޢަބްދުﷲ ތަސްލީމް ޢަބްދުލްޙަކީމް، ހުޅުމާލެ. 10554، މާލެ (އޯކިޑްވިލާ، ގއ. ކޮލަމާފުށި) ޤާނޫނީ ވަކީލު: ޤާނޫނީ ވަކީލު: ޢާއިޝަތު ހައިފާ (އެސްއެޗްސީ ލޯޔަރސް އެލް.އެލް.ޕީ) އަޙްމަދު މުޢިއްޒު (މުޢިއްޒު އެންޑް ކޯ އެލް.އެލް.ޕީ)

މަދަނީ – އެއްބަސްވުމާ ޚިލާފުވުން – އެއްބަސްވުމުގެ ދަށުން ލުއި ދިނުން – ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 20 ވަނަ މާއްދާގެ (ހ)

ފިހުރިސްތު

ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންގެ ރައުޔު (ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު އަދި ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދު ތާއީދު ކުރައްވާފައި) 1

ތަޢާރުފު 1

މައްސަލައިގައި ކަންހިނގާފައިވާ ގޮތް 1

ސިވިލް ކޯޓުން މައްސަލަ ނިންމިގޮތް 3

ހައިކޯޓުން މައްސަލަ ނިންމިގޮތް 4

ސުޕްރީމް ކޯޓުގައި ކުރެވުނު އިސްތިއުނާފު 7

(ހ) ވަޒީފާ ބަދަލުކޮށްފައިވާކަމަށް ބުނާ ބުނުން 8

(ށ) އެއްބަސްވުމުގެ ދަށުން ލުޔެއް ދީފައިވާކަމަށް ބުނާބުނުން 13

މައްސަލަ ނިންމަން ފެންނަގޮތް 15

ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ ރައުޔު 15

ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔު 15

ޙުކުމް 16

` ޢަބްދުﷲ ތަސްލީމް ޢަބްދުލްޙަކީމް ވ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ [2024] SC 05 ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންގެ ރައުޔު (ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު އަދި

ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދު ތާއީދު ކުރައްވާފައި) ތަޢާރުފު

1. މި މައްސަލައަކީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2018/HC-A/262 ޤަޟިއްޔާ ނިންމާފައިވަނީ ޤާނޫނާ އެއްގޮތަށް ނޫންކަމަށް ބުނެ، ހުޅުމާލެ. 10554، މާލެ (ގއ. ކޮލަމާފުށި، އޯކިޑްވިލާ) ޢަބްދުﷲ ތަސްލީމް ޢަބްދުލްޙަކީމް1 )މީގެ ފަހުން "ޢަބްދުﷲ ތަސްލީމް") ގެ ފަރާތުން ސުޕްރީމް ކޯޓަށް އިސްތިއުނާފަށް ހުށަހެޅި މައްސަލައެކެވެ. މި މައްސަލައިގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ2 )މީގެ ފަހުން "އެމްޓީސީސީ") އެވެ.

މައްސަލައިގައި ކަންހިނގާފައިވާ ގޮތް

2. އެމްޓީސީސީގެ ސްކޮލަރޝިޕް ފެލޯޝިޕް ޓްރެއިނިންގ ކޯހުގައި ދާމީހުންގެ އިޤުރާރު3 (މީގެފަހުން "ސްކޮލަރޝިޕް އިޤުރާރު" ކަމަށް ބުނެފައިވާ އިޤްރާރު) ގެ ދަށުން ޑިޕްލޮމާ އިން ބިލްޑިންގ ސްޓަޑީޒް އާއި، ބެޗެލަރސް އޮފް ޕްލޭނިންގ އެންޑް ޑިޒައިން ގެ އިތުރުން މާސްޓަރސް އިން ކޮންސްޓްރަކްޝަން މެނޭޖްމަންޓް ކޯސް އެމްޓީސީސީގެ ޚަރަދުގައި ޢަބްދުﷲ ތަސްލީމް ފުރިހަމަކުރާ ގޮތަށް ދެ ފަރާތުން އެއްބަސްވެ، ސޮއިކޮށްފައިވެއެވެ.

3. ކޯސް ފުރިހަމަ ކުރުމަށްފަހު 07 އަހަރާއި 06 މަސް ދުވަހުގެ މުއްދަތަށް އެމްޓީސީސީ އަށް ޚިދުމަތްކުރަންވާނެކަމަށް ސްކޮލަރޝިޕް އިޤުރާރުގައި ވެއެވެ.4 އަދި މި އިޤުރާރުގެ ދަށުން، ކުންފުނިން ކޮށްފައިވާ ޚަރަދުގެ %50 (ފަންސާސް އިންސައްތަ) ކުންފުނީގައި ޚިދުމަތްކުރާ މުއްދަތުގެ ތެރޭގައި ދައްކަންޖެހޭނެކަމަށާއި،5 އެއްވެސް ސަބަބަކާހުރެ ކުންފުނީގެ ވަޒީފާއިން ވަކިކުރަން ޖެހިއްޖެނަމަ ނުވަތަ އަމިއްލައަށް ވަޒީފާއިން ވަކިވާނަމަ، ކިޔެވުމަށް ކުންފުނިން ޚަރަދުކުރި ފައިސާގެ 100% (ސަތޭކަ އިންސައްތަ) ގެ ތެރެއިން ނުދެއްކިވާ ފައިސާ ކުންފުނިން ކަނޑައަޅާ ގޮތެއްގެ މަތިން ދައްކަންވާނެކަމަށް ބަޔާންކޮށްފައިވެއެވެ.6 ކޯސް ފުރިހަމަ ކޮށްފައިވާ ކަމާއި، ކޯހުގެ މުއްދަތުގައި ޢަބްދުﷲ ތަސްލީމް އޭރު އެމްޓީސީސީގައި ހުރި މަޤާމުގެ މުސާރަ ސްކޮލަރޝިޕް އިޤުރާރުގައިވާ ގޮތުގެ މަތިން7 އެމްޓީސީސީ އިން ދީފައިވާކަމަށް ޢަބްދުﷲ ތަސްލީމް އިންކާރުކޮށްފައި ނުވެއެވެ.

4. ކޯސް ފުރިހަމަ ކުރުމަށްފަހު 07 އަހަރާއި 06 މަސްދުވަހުގެ މުއްދަތު (މީގެ ފަހުން "ބޮންޑު މުއްދަތު" ކަމަށް ބުނެފައިވާ މުއްދަތު) ވަޒީފާގައި ހޭދަވުމުގެ ކުރިން 26 އޮކްޓޫބަރު 2011 ގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ފަރާތުން ކޫއްޑޫ ފިޝަރީޒް މޯލްޑިވްސް ގެ އެމްޑީ ގެ މަޤާމަށް ޢަބްދުﷲ ތަސްލީމް ޢައްޔަން ކޮށްފައިވެއެވެ. މި މަޤާމަށް ޢައްޔަންކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ބައްދަލުވުމެއްގައި ކަމަށް ޢަބްދުﷲ ތަސްލީމްގެ ފަރާތުން ބުނެފައިވެއެވެ.

5. ޢަބްދުﷲ ތަސްލީމް ކޫއްޑޫ ފިޝަރީޒް މޯލްޑިވްސް ގެ އެމްޑީ ކަމަށް ޢައްޔަން ކޮށްފައިވާކަން 30 އޮކްޓޫބަރު 2011 ގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އެމްޓީސީސީއަށް އަންގާފައިވާކަމަށް އެމްޓީސީސީގެ ފަރާތުން ބުނެފައިވެއެވެ. އަދި މި ސަބަބުގެ މައްޗަށް ބިނާކޮށް ޢަބްދުﷲ ތަސްލީމް އެމްޓީސީސީގެ ވަޒީފާއިން ވަކިކޮށްފައިވާކަން ޢަބްދުﷲ ތަސްލީމް އަށް އެމްޓީސީސީ އިން އަންގާފައިވާކަން ދެ ފަރާތުން ޝަރީޢަތުގެ މަރުޙަލާގައި ދައްކާފައިވާ ވާހަކަތަކުން އެނގެއެވެ.

6. ސްކޮލަރޝިޕް އިޤުރާރުގެ ދަށުން ޢަބްދުﷲ ތަސްލީމް ފައިސާ ދައްކާފައިނުވާތީ، އެ އިޤުރާރާ ޢަބްދުﷲ ތަސްލީމް ޚިލާފުވެފައިވާކަމަށްބުނެ، އިޤުރާރުގެ ދަށުން ދައްކަންޖެހޭ ފައިސާގެ ގޮތުގައި 437,054/50ރ. (ހަތަރު ލައްކަ ތިރީސްހަތް ހާސް ފަންސާސްހަތަރެއް ރުފިޔާ ފަންސާސް ލާރި) ހޯދުމަށް އެދި އެމްޓީސީސީގެ ފަރާތުން 15 އޮކްޓޫބަރު 2017 ގައި ސިވިލް ކޯޓަށް މައްސަލަ ހުށަހަޅާފައިވެއެވެ.

ސިވިލް ކޯޓުން މައްސަލަ ނިންމިގޮތް

7. އެމްޓީސީސީގެ ފަރާތުން ހުށަހެޅި މައްސަލަ ސިވިލް ކޯޓުން ބަލާފައިވަނީ އެ ކޯޓުގެ ނަންބަރު 2900/Cv-C/2017 ޤަޟިއްޔާއިންނެވެ. މި ގަޟިއްޔާގެ ޝަރީޢަތް ހިންގައި ޙުކުމް ކޮށްފައިވަނީ ޢަބްދުﷲ ތަސްލީމްގެ ޣައިރު ޙާޟިރުގައެވެ. އަދި މި ޤަޟިއްޔާގައި އަންނަނިވި ކަންކަމުގެ މައްޗަށް ބިނާކޮށް ސިވިލް ކޯޓުން ޙުކުމްކޮށްފައިވަނީ އެމްޓީސީސީގެ ދަޢުވާ ސާބިތުނުވާކަމަށެވެ.

7.1. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން 26 އޮކްޓޫބަރު 2011 ގައި ޢަބްދުﷲ ތަސްލީމް ކޫއްޑޫ ފިޝަރީޒް މޯލްޑިވްސްއަށް ބަދަލުކުރުމަށްފަހު، އެމްޓީސީސީގެ ފަރާތުން ޢަބްދުﷲ ތަސްލީމްއަށް ސިޓީއެއް ފޮނުވާފައިވަނީވެސް މި ބަދަލު ގެނެވުނުތާ 01 އަހަރާއި 03 މަހާއި 29 ދުވަސް ފަހުން 24 ފެބްރުވަރީ 2013 ގައި ކަމާއި، އަދި ސިވިލް ކޯޓުގައި ދަޢުވާ އުފުލާފައިވަނީވެސް ސިޓީ ފޮނުވުނުތާ 04 އަހަރާއި، 07 މަހާއި 11 ދުވަސް ފަހުން ކަމަށްވުމުން، ވަޒީފާ ބަދަލުކުރުމުގެ މަރުޙަލާގައިވެސް އެފަރާތުގެ ޙައްޤު ހިމާޔަތްކުރުމަށް އެއްވެސް މަސައްކަތެއް ކޮށްފައިނުވާ ކަން؛

7.2. އެމްޓީސީސީގެ ފަރާތުން ހުށަހެޅި ދަޢުވާ ފޯމުންނާއި އެފަރާތުގެ ސިޓީއިން8 ޢަބްދުﷲ ތަސްލީމްއަކީ ވަޒީފާއިން ވަކިކޮށްފައިވާ ފަރާތެއްކަން ނުވަތަ އަމިއްލައަށް ވަޒީފާއިން ވަކިވެފައިވާ ފަރާތެއްކަން އެނގެން ނެތްކަމާއި، ޢަބްދުﷲ ތަސްލީމްއަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން 26 އޮކްޓޫބަރު 2011 ގައި ކޫއްޑޫ ފިޝަރީޒް މޯލްޑިވްސް ލިމިޓެޑަށް ބަދަލުކޮށްފައިވާ ފަރާތެއް ކަން؛

7.3. ޢަބްދުﷲ ތަސްލީމްގެ މައްޗަށް ކުރެވުނު މި ދަޢުވާއަކީ އެފަރާތުގެ މައްޗަށް ކުރެވިދާނެ ދަޢުވާއެއް ނޫންކަން.

8. މި މައްސަލަ ސިވިލް ކޯޓުން ނިންމާފައި ވަނީ ޤާނޫނީ ހަމަތަކާ ޚިލާފަށް ކަމަށް ބުނެ، އެމްޓީސީސީގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިވެއެވެ.

ހައިކޯޓުން މައްސަލަ ނިންމިގޮތް

9. އެމްޓީސީސީގެ ފަރާތުން ހައިކޯޓަށް ހުށަހެޅި މައްސަލަ ބަލާފައިވަނީ އެ ކޯޓުގެ ނަންބަރު

2018/HC-A/262 ޤަޟިއްޔާ އިންނެވެ.

10. މި މައްސަލައިގައި ހައިކޯޓުން ނިންމާފައިވަނީ، ދަޢުވާގައި ބުނެފައިވާ 437,054/50ރ. (ހަތަރު ލައްކަ ތިރީސްހަތް ހާސް ފަންސާސްހަތަރެއް ރުފިޔާ ފަންސާސް ލާރި) އަކީ ސްކޮލަރޝިޕް އެގްރީމަންޓްގެ ދަށުން ޢަބްދުﷲ ތަސްލީމް ދައްކަންޖެހި ނުދެއްކިވާ ފައިސާކަން ޝަރީއަތަށް ސާބިތުވާތީ، 01 ޖޫން 2021 އިން ފެށިގެން މަސް ހަމަކޮށް ކޮންމެ މަހަކު އެމަހަކަށް ޖެހޭވަރު އެ މަހަކު ދައްކަމުންގޮސް އެކު ޖުމްލަ 06 މަސްދުވަހުގެ ތެރޭގައި އެ ފައިސާ އެމްޓީސީސީއަށް ދައްކާ ޚަލާސްކުރުމަށް ޢަބްދުﷲ ތަސްލީމްގެ މައްޗަށް ޙުކުމްކޮށެވެ.

11. ހައިކޯޓުން މި ނިންމުމަށް ވާސިލުވެފައި ވަނީ އަންނަނިވި ކަންތައްތަކުގެ މައްޗަށް ބިނާކޮށެވެ.

11.1. ޢަބްދުﷲ ތަސްލީމް ގެ ޣައިރު ޙާޟިރުގައި ސިވިލް ކޯޓުގައި މި މައްސަލަ ހިންގި ހިންގުމާމެދު ޢަބްދުﷲ ތަސްލީމްގެ ފަރާތުން އިޢުތިރާޟު ނުކުރާކަމަށް ހައިކޯޓުގައި ބުނެފައިވާތީ، ހައިކޯޓުން މި މައްސަލަ ބަލަންޖެހޭނީ، ސިވިލް ކޯޓަށް އެމްޓީސީސީގެ ފަރާތުން ހުށަހެޅި އެންމެހައި ހެކިތަކުން ފެންނަން އޮތް ޙަޤީޤަތްތަކުގެ މައްޗަށް ބިނާކޮށް މި މައްސަލަ ނިންމުމުގައި ސިވިލް ކޯޓުން މި މައްސަލައަށް ޤާނޫނު ތަޠުބީޤު ކޮށްފައިވާ ގޮތް ރަނގަޅުކަން ނުވަތަ ނޫންކަމުގެ މައްޗަށްކަން؛

11.2. ސްކޮލަރޝިޕް އިޤުރާރަކީ ޢަބްދުﷲ ތަސްލީމް އާއި އެމްޓީސީސީއާ ދެމެދުގައި ބަނދެވިފައިވާ ބަނދެވުމެއް ކަމާއި، ޢަބްދުﷲ ތަސްލީމް ކިޔެވުމަށް އެމްޓީސީސީ އިން ޚަރަދުކުރުމުން އެކަމުގެ ބަދަލުގައި އަދާކުރަން އެއްބަސްވެފައިވާ ކަންކަމަކީ އެކަންކަން އެގޮތަށް ކުރުމަށް ޢަބްދުﷲ ތަސްލީމް ވެފައިވާ އަޙުދެއްކަން؛

11.3. ޢަބްދުﷲ ތަސްލީމް އެއްބަސްވެފައިވާ ޝަރުތުތަކާ ޚިލާފުގޮތަކަށް ޢަމަލުކުރުމަށް އެމްޓީސީސީގެ ފަރާތުން ލުޔެއް ދީފައި ނުވާނެކަން އެމްޓީސީސީގެ ފަރާތުން ބުނެފައިވާކަމާއި، އަދި އެފަދަ ލުޔެއް ދިންކަމަށް ޢަބްދުﷲ ތަސްލީމްގެ ފަރާތުންވެސް ބުނެފައި ނުވާކަމާއި، ޢަބްދުﷲ ތަސްލީމް ކިޔެވުމަށް ޚަރަދުކުރި ފައިސާ އެއީ އަނބުރާ ދައްކަންޖެހޭ ފައިސާއެއް ނޫންކަމަށް ބުނާނަމަ އެކަމުގެ މައްޗަށް ހެކި ދެއްކުމުގެ ބުރަ އުފުލަންޖެހޭނީ ޢަބްދުﷲ ތަސްލީމްކަން؛

11.4. ސްކޮލަރޝިޕް އިޤުރާރުގެ 14 ވަނަ މާއްދާގައި "އެއްވެސް ސަބަބަކާހުރެ ކުންފުނީގެ ވަޒީފާއިން ޢަބްދުﷲ ތަސްލީމް ޢަބްދުލްޙަކީމް ވަކިކުރަން އެމްޓީސީސީއަށް ޖެހިއްޖެނަމަ" މިފަދައިން ބަޔާންވެފައި އޮތް އޮތުމުގައި އެއްވެސް އިސްތިސްނާ ޙާލަތެއް އެއްބަސްވުމުގައި ބަޔާންވެފައި ނެތުމުން ޢަބްދުﷲ ތަސްލީމް ވަކިކުރަން ޖެހުނު ސަބަބު އެއީ މަޤުބޫލު ސަބަބެއް ނުވަތަ ނޫންކަމުގެ މައްޗަށް ބިނާކޮށް، ޢަބްދުﷲ ތަސްލީމްގެ ފަރާތުން ދައްކަންޖެހޭ ފައިސާ ދެއްކުމަށް ލުޔެއް ދީފައިނުވަނީސް އެއީ ދައްކަންޖެހޭ ފައިސާއެއް ނޫންކަމަށް ކަނޑައެޅޭނެކަމަށް އެއްބަސްވުމުގައި ދައްކާދީފައިނުވާކަން؛

11.5. ޢަބްދުﷲ ތަސްލީމްގެ ވަޒީފާ ބަދަލުކުރުމުގެ މަރުޙަލާގައި އެކަމުގެ މައްޗަށް އެފަރާތުން އެއްވެސް އިންކާރެއް ކޮށްފައި ނުވާކަމާއި، ވަޒީފާގެ މިބަދަލަކީ އެމްޓީސީސީގެ ފަރާތުން އެދިގެން ކުރެވިފައިވާ ބަދަލެއްކަންވެސް އެނގެން ނެތްކަމާއި، މި ބަދަލު ގެނެވުނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންކަން؛

11.6. ޢަބްދުﷲ ތަސްލީމް އާއި އެމްޓީސީސީއާ ދެމެދު ވެފައިވާ އެއްބަސްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހަކީ އެއްބަސްވުމުގެ ބައިވެރިއެއް ނޫންކަމާއި، ކޮންމެ ކުންފުންޏަކީވެސް މެންބަރުންނާ ވަކިން އުފެދިފައި އޮންނަ ޤާނޫނީގޮތުން އަމިއްލަ ޝަޙުޞެއްކަމާއި، އަމިއްލަ ޝަޚުސީ ހައިސިއްޔަތު ނޫންގޮތަކަށް ކުންފުނީގެ ހިއްސާދާރެއްގެ ނުވަތަ މެންބަރެއްގެ ފަރުދީ ޙައިސިއްޔަތުން ކުރާ ކަންތައްތަކުގެ ޒިންމާ ކުންފުންޏާބެހޭ ޤާނޫނުގައި ބަޔާންވެފައިވާ އިސްތިސްނާ ޙާލަތްތައް ފިޔަވައި، ކުންފުނިން ނަގަން ނުޖެހޭކަމާއި، އެފަދަ އިސްތިސްނާ ޙާލަތެއް މި މައްސަލައިގައި އޮތްކަމަށް ޢަބްދުﷲ ތަސްލީމް ގެ ފަރާތުން ބުނެދެވިފައިނުވާކަން؛

11.7. އެމްޓީސީސީގެ ވަޒީފާއިން ޢަބްދުﷲ ތަސްލީމް ވަކިކުރީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ދިން އެހެން ވަޒީފާއެއް ޤަބޫލުކޮށް، އެހެން ކުންފުންޏެއްގެ ވަޒީފާއަށް ޢަބްދުﷲ ތަސްލީމް ދިއުމުންކަން އެފަރާތުގެ ބަހުން އެނގޭކަމަށާއި، ޢަބްދުﷲ ތަސްލީމް އެހެން ކުންފުންޏެއްގެ މުވައްޒަފަކަށް ބަދަލުވެ ދިއުމުން އެ ސަބަބުގެ މައްޗަށް ބަލައި އެމްޓީސީސީގެ ވަޒީފާއިން ވަކިކުރި ސަބަބަކީ މަޤުބޫލު ސަބަބެއްކަން؛

11.8. ޢަބްދުﷲ ތަސްލީމް ކޫއްޑޫ ފިޝަރީޒް މޯލްޑިވްސް ގެ ވަޒީފާ ޤަބޫލުކުރީ މަޖުބޫރުން ކަން އެނގެން ނެތްކަމާއި، އެކަމަށް ދަލާލަތުކޮށްދޭ ޤަރީނާ އެއްވެސް ނެތުމުން، ޢަބްދުﷲ ތަސްލީމް ވަޒީފާ ޤަބޫލުކޮށްފައިވަނީ އަމިއްލަ އިޚުތިޔާރުގައިކަން ބަލަންޖެހޭކަން.

12. ހައިކޯޓުގެ މި ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމަކީ ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ކޮށްފައިވާ ޙުކުމެއް ކަމަށް ބުނެ، ޢަބްދުﷲ ތަސްލީމްގެ ފަރާތުން މި މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައިވެއެވެ.

ސުޕްރީމް ކޯޓުގައި ކުރެވުނު އިސްތިއުނާފު

13. ހައިކޯޓުން މައްސަލަ ނިންމާފައިވަނީ ޤާނޫނާ ޚިލާފަށް ކަމަށްބުނެ ޢަބްދުﷲ ތަސްލީމް ގެ ފަރާތުން ހުށަހަޅާފައިވަނީ އިސްތިއުނާފީ އެއް ނުކުތާއެވެ. އެއީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2018/HC-A/262 ގަޟިއްޔާގައި ޤާނޫނު ނަންބަރު 91/4 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 20 ވަނަ މާއްދާގެ (ހ) ނުބައިކޮށް މާނަކޮށް ތަޠުބީޤު ކޮށްފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.

14. މި ނުކުތާއާ ގުޅިގެން ދައްކާފައިވާ ވާހަކަތަކަށް ބަލާއިރު ޢަބްދުﷲ ތަސްލީމް ގެ ފަރާތުން ފާހަގަކުރަނީ މައިގަނޑު ދެ ކަމެކެވެ.

(ހ) ފުރަތަމަ ކަމަކީ، 24 ފެބުރުއަރީ 2013 ގައި ޢަބްދުﷲ ތަސްލީމް އަށް ފޮނުވާފައިވާ އެމްޓީސީސީގެ ނަންބަރު MTCC-HR/MIS/2013/169 ސިޓީގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކޫއްޑޫ ފިޝަރީޒް މޯލްޑިވްސް ލިމިޓެޑަށް "ބަދަލުކޮށްފައި" ވާކަމަށް އެ ސިޓީގައި ބަޔާންކޮށްފައި އޮތުމުން، ސްކޮލާރޝިޕް އިޤުރާރުގައިވާ ފަދައިން، ޢަބްދުﷲ ތަސްލީމް ވަޒީފާއިން ވަކިކޮށްފައި، ނުވަތަ ޢަބްދުﷲ ތަސްލީމް އަމިއްލައަށް އެދިގެން ވަކިވެފައިނުވާކަން އެނގޭތީ، މިއީ އެ އެއްބަސްވުމާ ޢަބްދުﷲ ތަސްލީމް ޚިލާފުވީކަމުގައި ބެލެވޭނެ ޖާގައެއް ނެތްކަން؛

(ށ) ދެވަނަ ކަމަކީ، އެމްޓީސީސީގެ ވަޒީފާއިން ވަކިކުރިކަމުގެ ލިޔުން ޢަބްދުﷲ ތަސްލީމްއާ 26 އޮކްޓޫބަރު 2011 ގައި ޙަވާލުކުރެވުނުއިރު، ސްކޮލާރޝިޕްގެ ދަށުން އަދާކުރަންޖެހޭ އިލްތިޒާމްގެ ވާހަކަ ބަޔާންވެފައި ނުވާކަމާއި، އެއްބަސްވުމުގެ ދަށުން ފައިސާ ދައްކަންޖެހޭކަމަށް އެމްޓީސީސީއިން ޢަބްދުﷲ ތަސްލީމްއަށް އެންގީ ވަޒީފާއިން ވަކިކުރިތާ 01 (އެކެއް) އަހަރާއި 03 (ތިނެއް) މަސް ފަހުން ކަމާއި،9 އަދި މި ފައިސާ ހޯދުމަށް އެދި ސިވިލް ކޯޓަށް މައްސަލަ ހުށަހަޅާފައިވަނީ ވެސް ޢަބްދުﷲ ތަސްލީމް އަށް ސިޓީ ފޮނުވި ތާރީޚުން ފެށިގެން ހަތަރު އަހަރު ދުވަސް ފާއިތުވި ފަހުން ކަމުގައި ވާތީ، ސްކޮލަރޝިޕް އެގްރީމަންޓްގެ ދަށުން ލުޔެއް ދީފައިވާކަން އެމްޓީސީސީގެ މި ސުލޫކުންނާއި ޢަމަލުން އެނގޭކަން.

15. ޢަބްދުﷲ ތަސްލީމް ގެ މުޅި އިސްތިއުނާފީ ދަޢުވާ ބިނާވެފައިވަނީ ބަޔާންވެދިޔަ ދެ ކަމުގެ މައްޗަށް ކަމުގައި ވާތީ މި ދެ ކަމަށް ވަކިވަކީން އަލިއަޅުވާލާނަމެވެ.

(ހ) ވަޒީފާ ބަދަލުކޮށްފައިވާކަމަށް ބުނާ ބުނުން

16. ޢަބްދުﷲ ތަސްލީމްގެ ފަރާތުން ބުނެފައިވާ ގޮތުގައި އެމްޓީސީސީ އާއި، ކޫއްޑޫ ފިޝަރީޒް މޯލްޑިވްސް އަކީ ސަރުކާރުގެ ޙިއްސާ އޮންނަ ދެ ކުންފުނި ކަމުގައިވާތީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވަނީ ޢަބްދުﷲ ތަސްލީމް ކޫއްޑޫ ފިޝަރީޒް މޯލްޑިވްސް އަށް "ބަދަލު" ކޮށްފައެވެ. އެހެންކަމުން އެއީ ސްކޮލަރޝިޕް އިޤުރާރުގެ 14 ވަނަ މާއްދާގައިވާ ފަދައިން ކުންފުނީގެ ވަޒީފާއިން ވަކި ކުރުން، ނުވަތަ އަމިއްލައަށް އެދިގެން ވަކިވުން ކަމުގައި ނުވާތީ، އެ މާއްދާއާ ޚިލާފުވެފައިވާ ކަމަށް ނުބެލެވޭނެ ކަމަށެވެ.

17. މި ވާހަކައަށް ރައްދު ދެމުން އެމްޓީސީސީ ގެ ފަރާތުން ބުނެފައިވަނީ، އެމްޓީސީސީ އަކީ ހަމައެކަނި ސަރުކާރުގެ އަޣުލަބިއްޔަތު އޮތް ކުންފުންޏެއް ނޫން ކަމަށާއި، އެމްޓީސީސީގެ ޑިރެކްޓަރުންގެ ބޯޑުންނާއި މެނޭޖްމަންޓުން ކަންކަން ނިންމާނީ އެމްޓީސީސީގެ މަސްލަޙަތުގައި، ދިވެހިރާއްޖޭގެ ޤާނޫނުގެ ތަރަހައިގެ ތެރެއިން ކަމަށެވެ. އަދި ޢަބްދުﷲ ތަސްލީމް ކޫއްޑޫ ފިޝަރީޒް މޯލްޑިވްސް ގެ މަޤާމަކަށް ޢައްޔަން ކުރިކުރުމަކީ، ޢަބްދުﷲ ތަސްލީމްގެ ވަޒީފާ ބަދަލުކުރުން ކަމުގައި ބެލެވޭނެ ޤާނޫނީ އަސާސެއް ނެތްކަމަށެވެ.

18. ސްކޮލަރޝިޕް އިޤުރާރުގެ 14 ވަނަ މާއްދާގައި އަންނަނިވި ޢިބާރާތް ބަޔާންކޮށްފައިވެއެވެ.

"އެއްވެސް ސަބަބަކާހުރެ ކުންފުނީގެ ވަޒީފާއިން ވަކިކުރަން ޖެހިއްޖެނަމަ ނުވަތަ އަމިއްލައަށް ވަޒީފާއިން ވަކިވާނަމަ ކުންފުނިން އަޅުގަނޑުގެ ކިޔެވުމަށް ޚަރަދުކުރި މުޅި ޖުމްލަ (100%) ފައިސާގެ ތެރެއިން އެހާތަނަށް ދެއްކުނު ޢަދަދެއް ކަނޑާ ބާކީ ފައިސާ ކުންފުނިން ކަނޑައަޅާ ގޮތެއްގެ މަތިން ދެއްކުމަށް އަޅުގަނޑު އެއްބަސްވަމެވެ..."

19. ކޯސް ފުރިހަމަކުރުމަށްފަހު ޢަބްދުﷲ ތަސްލީމް އެމްޓީސީސީ އަށް ޚިދުމަތްކޮށްފައިވަނީ 45 (ސާޅީސް) މަސް ދުވަހުގެ މުއްދަތަށް ކަމަށް އެމްޓީސީސީ އިން ބުނެފައިވާ ބުނުމަށް ޢަބްދުﷲ ތަސްލީމް އިންކާރުކޮށްފައި ނުވެއެވެ. މިއީ ބޮންޑު މުއްދަތުގެ ދެބައިކުޅަ އެއްބައިކަމަށްވުމުން، ބޮންޑުގެ ފުރިހަމަ މުއްދަތަށް ޚިދުމަތް ކޮށްދެވިފައި ނުވާކަން އެނގެއެވެ. ކަން މިހެން އޮތް އިރު، އެމްޓީސީސީގެ ޚަރަދުގައި ތަޢުލީމު ޙާޞިލްކުރުމަށް މަގުފަހިކޮށްދީ، އެ މުއްދަތުގައި މުސާރަ ދިނުމާއެކު، އެމްޓީސީސީ ގެ އެނގުމާއި ފެނުމުގެ ތެރެއިން، ސްކޮލަރޝިޕް އެއްބަސްވުމާ ޚިލާފު ވެދާނެ ބީދައަކުން ޢަބްދުﷲ ތަސްލީމް އެހެން ކުންފުންޏެއްގެ ވަޒީފާއަށް ދިއުމަށް އެމްޓީސީސީ އިން ޤަބޫލުވި ކަމަށް ބަލާނެ ސަބަބެއް ޢަބްދުﷲ ތަސްލީމްގެ ފަރާތުން ބުނެދެވިފައި ނުވެއެވެ.

20. ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވަޓައިޒްކުރުމާއި، ކޯޕަރަޓައިޒްކުރުމާއި އަދި މޮނިޓަރ ކޮށް އިވެލުއޭޓްކުރުމުގެ ޤާނޫނަށް10 ޢަމަލުކުރެވެން ފެށުމުގެ ކުރީގައި، ސަރުކާރުގެ ކުންފުނިތަކާއި، ސަރުކާރު ބައިވެރިވާ ކުންފުނިތަކާއި، ވިޔަފާރި އުސޫލުން ހިންގާ ސަރުކާރުގެ ތަންތަނުގެ ބޯޑަށް، ސަރުކާރުން މީހުން ޢައްޔަންކުރުމުގައި ޢަމަލުކުރެވޭނެ އުސޫލެއް ޤާނޫނަކުން ޤާއިމްވެފައިވާކަން ފެންނާކަށް ނެތެވެ. ބުނެވިދިޔަ ޤާނޫނަށް ޢަމަލުކުރަން ފަށާފައިވަނީ، ހުށަހެޅިފައި މިވާ މައްސަލައިގައި ޢަބްދުﷲ ތަސްލީމް ރައީސުލްޖުމްހޫރިއްޔާގެ އޮފީސް މެދުވެރިކޮށް އެހެން ކުންފުންޏެއްގެ ވަޒީފާއަށް ޢައްޔަން ކުރި ޙާދިސާ ހިނގާދިޔަ ފަހުންނެވެ.

21. ކަން މިހެން އޮތުމުން، އެމްޓީސީސީ އާއި ކޫއްޑޫ ފިޝަރީޒް މޯލްޑިވްސް އަކީ ސަރުކާރުގެ އަޣުލަބިއްޔަތު ހިއްސާ އޮންނަ ދެ ކުންފުނި ކަމުގައި ވިޔަސް، މި ދެ ކުންފުންޏަކީ މެންބަރުންނާ ވަކިން އުފެދިފައިވާ ވަކި ޤާނޫނީ ދެ ޝަޚުސުކަމުގައި އެނގެން އޮންނާތީ،11 އެމްޓީސީސީ ގައި ހުރި ވަޒީފާއިން ވަކިނުކޮށް، ކޫއްޑޫ ފިޝަރީޒް މޯލްޑިވްސް ގައި އޮތް ވަޒީފާއަކަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބަދަލުކުރެވިދާނެ ކަމަށް ބާރުދޭ އެއްވެސް ޤާނޫނީ ހަމައެއް ނެތެވެ.

22. އެމްޓީސީސީގެ މުވައްޒަފުން ސަރުކާރުން ބޭނުންވާ އިރަށް ގެންދެވޭތޯ ހައިކޯޓުން ކުރި ސުވާލުގެ ޖަވާބުގައި، އެމްޓީސީސީ ގެ ފަރާތުން ބުނެފައިވަނީ މެޖޯރިޓީ ހިއްސާދާރު ނިންމާ ނިންމުންތަކަކީ ބޯޑުން ތަންފީޒުކުރާނެ ނިންމުންތަކެއް ކަމުގައެވެ.12 އެމްޓީސީސީ ގެ ޑިރެކްޓަރުންގެ ބޯޑުން އެފަދަ ނިންމުމެއް ނިންމާފައިވާކަން އެނގޭކަށް ނެތެވެ.

23. ބަހުސްގެ ބޭނުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ޢަމަލުކުރީ އެގޮތުގެ މަތިން ކަމުގައި ބެލިނަމަވެސް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނިންމުމެއް ނިންމާފައިވަނީ ޢަބްދުﷲ ތަސްލީމް އެހެން ވަޒީފާއަކަށް ޢައްޔަންކުރުމާ ގުޅޭ ގޮތުންނެވެ. ސްކޮލަރޝިޕް އިޤުރާރާ ގުޅޭގޮތުން އެއްވެސް ކަމެއް ނިންމާފައިވާކަމުގެ ހެއްކެއް ޢަބްދުﷲ ތަސްލީމް ގެ ފަރާތުން ދެއްކިފައި ނުވެއެވެ. އަދި އެ ޙާލަތުގައިވެސް އެއް ކުންފުނިން އަނެއް ކުންފުންޏަށް ވަޒީފާ ބަދަލުކުރުމަކީ މުސްތަޤިއްލު ޤާނޫނީ ޝަޚުސުގެ މަބްދައުގެ ދަށުން ތަންދޭ ކަމެއް ނޫނެވެ. އެހެނީ ކުންފުނީގެ މުވައްޒަފަކު މުޅިން ތަފާތު ކުންފުންޏަކަށް ޢައްޔަން ކުރުމަކީ ބޯޑަށް ކުރެވޭނެ ކަމެއް ވެސް ނޫނެވެ.

24. ޢަބްދުﷲ ތަސްލީމް އެއް ވަޒީފާއިން އަނެއް ވަޒީފާއަށް ބަދަލުކޮށްފައިވާކަން އެމްޓީސީސީ އިންވެސް ޤަބޫލުކުރާކަމަށް ބުނާ ބުނުމުގައި ޢަބްދުﷲ ތަސްލީމްގެ ފަރާތުން ޙަވާލާދީފައިވަނީ، އެމްޓީސީސީ އިން 24 ފެބުރުއަރީ 2013 ގައި ފޮނުވާފައިވާ ސިޓީއަށެވެ.13 އެހެން ނަމަވެސް އޭގެ މާ ކުރިން، 2011 ވަނަ އަހަރު ޢަބްދުﷲ ތަސްލީމް އަށް އެމްޓީސީސީ ގެ ފަރާތުން ޓަރމިނޭޝަން ނޯޓިސް ލިބިފައިވާކަން ޢަބްދުﷲ ތަސްލީމް ހުށަހަޅާފައިވާ ޖަވާބު ފޯމުންނާއި، ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކުން އެނގެއެވެ. ޓަރމިނޭޝަން ނޯޓިސް އަކީ ވަޒީފާއިން ވަކިކޮށް ފޮނުވޭ ޑޮކިއުމަންޓެއްކަން ފާހަގަކުރެވެއެވެ.

25. ޢަބްދުﷲ ތަސްލީމްއަށް އޭނާ އެމްޓީސީސީ ގައި އަދާކުރަމުންދިޔަ ވަޒީފާ ލިބިފައިވަނީ އެ ވަޒީފާއަށް އޭނާ ކުރިމަތިލައިގެން ކަމަށާއި، އެއީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހަމަޖައްސައިދީފައިވާ ވަޒީފާއެއް ނޫންކަމުގައި ޢަބްދުﷲ ތަސްލީމްގެ ފަރާތުން ޝަރީޢަތުގެ މަޖިލީހުގައި ބުނެފައިވެއެވެ. ވުމާއެކު، ވަޒީފާގައި ދެމިހުރުމާއި، ވަޒީފާއިން ވަކިވުން އޮތީ ހަމައެކަނި ޢަބްދުﷲ ތަސްލީމްގެ އަތްމަތީގައެވެ. އަދި ވަޒީފާއިން ވަކި ކުރެވޭނެ ހަމައެކަނި ފަރާތަކީ ޢަބްދުﷲ ތަސްލީމްއަށް އެ ވަޒީފާ ހަމަޖެއްސި ފަރާތް ކަމުގައިވާ އެމްޓީސީސީއެވެ. އެމްޓީސީސީ އާއި ޢަބްދުﷲ ތަސްލީމް އާ ދެމެދު އުފެދުނު ވަޒީފާގެ މި ކޮންޓްރެކްޓުގައި ބަސް ކިޔޭނެ ފަރާތެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީސް ވެދާނެ ކަމުގައި ޤަބޫލު ކުރެވޭނެ ޤާނޫނީ އަސާސެއް ނެތެވެ.

26. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ޢަބްދުﷲ ތަސްލީމް އަށް ހުށަހެޅި ވަޒީފާއަށް ރުހި، އެކަން ޤަބޫލުކޮށްފައިވާކަމަށް ޢަބްދުﷲ ތަސްލީމް ޝަރީޢަތުގެ މަޖިލީހުގައި ބުނެފައިވެއެވެ. އަދި އެހެން ކުންފުންޏެއްގެ ވަޒީފާ ޤަބޫލުކޮށްފައިވާކަން އެމްޓީސީސީ އަށް އެންގިފައިވަނީ އެކަން ހިނގާދިޔަތާ 04 ދުވަސް ފަހުން ކަން، މި މައްސަލައިގައި ހިމެނޭ ދެ ފަރާތުން ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކުން އެނގެން އޮވެއެވެ.

27. ޢަބްދުﷲ ތަސްލީމްގެ ފަރާތުން ބުނެފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ސިޓީ ފޮނުވުމުން އެކަމާ ގުޅިގެން ޢަބްދުﷲ ތަސްލީމް އަށް ގުޅައި އެއީ ކިހިނެތްވާ ކަމެއްތޯ އެމްޓީސީސީ ގެ ފަރާތުން ސުވާލު ކޮށްފައި ނުވާކަމަށެވެ. އެހެންކަމުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހަކީ އެމްޓީސީސީ ގެ މައްޗަށް ބަސްކިޔޭ ފަރާތެއް ކަން މިކަމުން ދޭހަވާކަމަށެވެ.

28. މި ރައުޔުގެ ޕެރެގްރާފް 25 ގައި ބަޔާންވެދިޔަ ފަދައިން، އެމްޓީސީސީ އާއި ޢަބްދުﷲ ތަސްލީމްއާ ދެމެދު އުފެދުނު ވަޒީފާގެ ކޮންޓްރެކްޓްގެ ބައިވެރިއެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީސް ނުވެއެވެ. އެހެން ކަމުން އެ ކޮންޓްރެކްޓަށް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނުވަތަ އެހެން ތިންވަނަ ފަރާތަކުން ފޮނުވާ ސިޓީ އަކުން ނުވަތަ އެހެންވެސް އެނގުމަކުން އެއްވެސް ބަދަލެއް ގެނައުމަކީ ކޮންޓްރެކްޓާބެހޭ ޤާނޫނުގެ އަސާސްތަކާ ޚިލާފުކަމެކެވެ.

29. ކަންމިހެން އޮތް ކަމުގައި ވިޔަސް، ތިން ވަނަ ފަރާތަކުން ހުށަހަޅާފައިވާ ވަޒީފާ ޤަބޫލު ކުރުމުގެ ނަތީޖާއަކީ އޭގެ ސަބަބުން އެމްޓީސީސީ ގައި ވަޒީފާ އަދާކުރުމަށް ހުރަސްއެޅުން ކަމުގައި ޢަބްދުﷲ ތަސްލީމްއަށް ވާނީ އަންދާޒާ ކުރެވިފައެވެ. އެހެން ނަމަވެސް އެ ފަދައިން ޢަމަލުކުރިތާ 04 ދުވަސް ފާއިތުވެގެން ދިޔައިރުވެސް އެކަން އެމްޓީސީސީ އަށް އަންގާފައި ނުވެއެވެ. ޢަބްދުﷲ ތަސްލީމް ގެ ފަރާތުން އެފަދައިން ޢަމަލުކޮށްފައިވާކަން އެމްޓީސީސީ އަށް އެގުނީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސިޓީ ލިބުމުން ކަމުގައި އެމްޓީސީސީ އިން ބުނެފައިވެއެވެ. މި ޙާލަތުގައި ޢަބްދުﷲ ތަސްލީމް ވަޒީފާ ދޫކުރަން ގަސްދުކޮށްފައިވާކަމަށް އެމްޓީސީސީއަށް އިފްތިރާޟު ކުރެވުމުގެ ފުރުޞަތު ހުޅުވިގެން ގޮސްފައިވެއެވެ.

30. އެމްޓީސީސީ ގައި އަދާކުރަމުންދިޔަ ވަޒީފާއިން ވަކިވުމަށް ޢަބްދުﷲ ތަސްލީމްގެ ފަރާތުން އެދިފައި ނުވި ނަމަވެސް، އެ ވަޒީފާއިން ވަކިކުރަންޖެހޭ ފަދަ ޙާލަތެއް އުފަންވެފައިވަނީ، ޚުދު ޢަބްދުﷲ ތަސްލީމްގެ ޢަމަލުންނެވެ. ކޫއްޑޫ ފިޝަރީޒް މޯލްޑިވްސް އަށް ޢަބްދުﷲ ތަސްލީމް ޢައްޔަން ކުރި ކުރުމާމެދު، އަދި އެމްޓީސީސީ ގެ ވަޒީފާއިން ވަކިކުރި ކުރުމާމެދު އެއްވެސް އިޢުތިރާޟެއް ނުކޮށް، އެ ދެ ކަންތަކަށްވެސް ރުހި ޤަބޫލުވެ، އެގޮތުގެ މަތިން ޢަމަލުކުރުމުންނެވެ.

(ށ) އެއްބަސްވުމުގެ ދަށުން ލުޔެއް ދީފައިވާކަމަށް ބުނާބުނުން

31. ޢަބްދުﷲ ތަސްލީމް ގެ ފަރާތުން ބުނާ ގޮތުގައި ކޫއްޑޫ ފިޝަރީޒް މޯލްޑިވްސް އަށް ޢަބްދުﷲ ތަސްލީމް ޢައްޔަންކޮށް އެންގުމުން، އެކަމަށް އިޢުތިރާޟު ކުރުމަކާ ނުލައި ޢަބްދުﷲ ތަސްލީމް އަށް ޓަރމިނޭޝަން ނޯޓިސް ފޮނުވުމަކީ، އަދި އެފަދައިން ޢަމަލު ކުރުމުގައި ސްކޮލަރޝިޕް އިޤުރާރުގެ ދަށުން އުފެދިފައިވާ އިލްތިޒާމް އަދާ ކުރުމާ ގުޅޭ ގޮތުން ޢަބްދުﷲ ތަސްލީމް އާ ދިގު މުއްދަތެއް ވަންދެން މުއާސަލާތު ނުކޮށް، އަދި އެ ޙައްޤު ހޯދަން ކޯޓަށް މައްސަލަ ހުށަނާޅައި އޮތުމަކީ، އެމްޓީސީސީ އިން ލުޔެއް ދީފައިވާ ކަން ދަލާލަތުކޮށްދޭ ކަންތައްތަކެއް ކަމަށެވެ.

32. މި ވާހަކައިގެ ރައްދުގައި އެމްޓީސީސީގެ ފަރާތުން ބުނެފައިވަނީ ޝަރީޢަތަށް ދިއުން ލަސްވުމަކީ އެމްޓީސީސީގެ ޙައްޤު ދޫކޮށްލުމެއް ނޫންކަމަށާއި، އެމްޓީސީސީއަށް ދައްކަންޖެހޭ ފައިސާގެ ކަންކަން ސުލްޙަވެރިކޮށް ޙައްލުކުރެވޭތޯ ބެލިކަމާމެދު ޢަބްދުﷲ ތަސްލީމް ހައިކޯޓުގައިވެސް އިންކާރުކޮށްފައި ނުވާކަމަށެވެ.

33. ސްކޮލަރޝިޕް އިޤުރާރުގެ ދަށުން ޢަބްދުﷲ ތަސްލީމް ދައްކަންޖެހޭ ފައިސާ ލިބިގަތުމަށް އެމްޓީސީސީގެ ފަރާތުން ސިޓީއެއް ފޮނުވާފައިވެއެވެ.14 އަދި 09 އެޕްރީލް 2014 ގައި އާއި އޭގެ ފަހުން ވެސް ޢަބްދުﷲ ތަސްލީމް އާ ގުޅުމަށް މަސައްކަތް ކޮށް އީމެއިލް ކޮށްފައިވާ ކަމަށް އެމްޓީސީސީ ގެ ފަރާތުން ބުނެއެވެ. ބަޔާންވެދިޔަ ސިޓީ ފިޔަވައި ދެން ކުރެވުނު އެއްވެސް މުއާސަލާތެއްގެ ހެކި ފެންނާކަށް ނެތެވެ.

34. ދެ ފަރާތެއްގެ ދެމެދުގައި ވެފައިވާ އެއްބަސްވުމެއްގެ ދަށުން ލުޔެއް ދެވޭނީ އެއްބަސްވުމުގެ ދެ ބައިވެރިންގެ އެނގުމާއި ރުހުން އޭގައި އޮވެގެންނެވެ. ސުޕްރީމް ކޯޓުގެ މެރިޓައިމް އެކެޑެމީ އޮފް މޯލްޑިވްސް ވ. ދިވެހި ދައުލަތް15 މައްސަލައިގައި ލުޔެއް ދިނުމާ ގުޅޭގޮތުން ބަޔާންވެފައިވާ ފަދައިން، ޙައްޤަކީ ދުވަސްވުމުން ނުވަތަ އެ ޙައްޤު ބޭނުންނުކޮށް އޮތުމުގެ ސަބަބުން ބައުވެ ފަނާވެގެންދާ އެއްޗެއް ނޫނެވެ. އަދި ޙައްޤެއް ދޫކޮށްލީ ކަމަށް އެ މައްސަލައިގައި ހިމެނޭ ވާގިއާތައް ބިނާކޮށް އެހާ ފަސޭހައިން އިފްތިރާޟު ކޮށްގެން ނުވާނެއެވެ.

35. ޢަބްދުﷲ ތަސްލީމް ކޫއްޑޫ ފިޝަރީޒް މޯލްޑިވްސް ގެ އެމްޑީ އަކަށް ޢައްޔަންކުރި މަޖިލީހުގައި އެމްޓީސީސީގެ ފަރާތުން ބައިވެރިވެފައި ނުވާކަމަށް ޢަބްދުﷲ ތަސްލީމްގެ ފަރާތުން ބުނެފައިވެއެވެ. ދެން އުފެދޭ ސުވާލަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީސް ބައިވެރިއަކަށް ނުވާ އެއްބަސްވުމަކާ ގުޅޭގޮތުން އެއްބަސްވުމުގައި ހިމެނޭ ދެ ބައިވެރިންގެ ތެރެއިން އެއް ބައިވެރިއަކު ޙާޟިރުގައި ނެތް މަޖިލީހެއްގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ލުޔެއް ދެވިދާނެތޯއެވެ. ދެވިދާނެ ނަމަ އެ ދީފައިވާ ލުޔަށް އެމްޓީސީސީ ގެ ރުހުން ކުރިން ލިބިފައިވާ ކަން ކަށަވަރު ކުރާނީ ކިހިނެތް ތޯއެވެ. މިއިން އެއްވެސް ކަމެއް ލިޔުމަށް ތިރިކުރެވި ފެންނާކަށް ނެތެވެ. މަޖިލީހަށް ޙާޟިރުވި ހެއްކެއްގެ ހެކިބަހެއް ނެތެވެ. ފެންނަން އޮތް ޙަޤީޤަތަކީ، ދިގު މުއްދަތެއް ހޭދަވެފައިވީ ނަމަވެސް އެ ޙައްޤު ހޯދަން އެމްޓީސީސީގެ ފަރާތުން މަސައްކަތް ފަށާފައިވާ ކަމެވެ. މި ކަންކަމަށް ރިޢާޔަތްކުރުމާއެކުވެސް ލުޔެއް ދީފައިވާކަމަށް ޢަބްދުﷲ ތަސްލީމްގެ ފަރާތުން ބުނާނަމަ އެކަން ސާބިތުކޮށްދިނުމުގެ ބުރަ އޮތީ ޢަބްދުﷲ ތަސްލީމްއަށެވެ. އެހެންނަމަވެސް އެކަން ސާބިތުކޮށްދެވޭނެ ފަދަ އެއްވެސް ހެއްކެއް ޢަބްދުﷲ ތަސްލީމްގެ ފަރާތުން ހުށަހަޅާފައި ނުވެއެވެ.

36. ވީމާ ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 20 ވަނަ މާއްދާގެ (ހ) ހައިކޯޓުން މާނަކޮށް ތަޠުބީޤުކޮށްފައިވަނީ ރަނގަޅަށް ކަމުގައި ދެކެމެވެ. އަދި ސްކޮލަރޝިޕް އިޤުރާރުގައި ޢަބްދުﷲ ތަސްލީމް އަދާކުރަންޖެހޭ އިލްތިޒާމްތަކަށް ލުޔެއް ދީފައިވާކަމަށް ހުށަހެޅިފައިމިވާ މައްސަލައިގެ ވާގީއާތަކުން ފެންނަން ނެތުމުން، ސްކޮލަރޝިޕް އިޤުރާރުގެ ދަށުން ޢަބްދުﷲ ތަސްލީމް ދައްކަން އެއްބަސްވެފައިވާ ފައިސާ ދައްކާފައިނުވުމަކީ އެ އިޤުރާރާ ޚިލާފުވުން ކަމުގައި ދެކެމެވެ.

މައްސަލަ ނިންމަން ފެންނަގޮތް

37. ޢަބްދުﷲ ތަސްލީމްގެ ފަރާތުން ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށް ޖުމްލަކޮށް ބަލާއިރު، ވަޒީފާ ބަދަލުކޮށްފައިވާކަމަށް ބުނާ ބުނުމާއި، ސްކޮލަރޝިޕް އިޤުރާރުގެ ދަށުން އެމްޓީސީސީގެ ފަރާތުން ލުޔެއް ދީފައިވާކަމަށް ބުނާ ބުނުމަކީ އެ ވާހަކަތަކަށް ބުރަދަން ދެވޭނެފަދަ ހެކި ހުށަހެޅިފައިވާ ވާހަކަތަކެއް ކަމުގައި ނުވާތީ، ހައިކޯޓުގެ ނިންމުމަށް ބަދަލު ގެންނަން ޖެހޭ ތަނެއް ނެތްކަމުގައި ކަނޑައަޅަން ފެނެއެވެ.

ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ ރައުޔު

38. މި މައްސަލައިގައި ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔު

39. މި މައްސަލައިގައި ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

ޙުކުމް

ދެންފަހެ އިސްވެ ބަޔާންވެދިޔަ ކަންކަން އެގޮތުގެ މަތިން ހުރުމުން، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2018/HC-A/262 ގަޟިއްޔާގެ ޙުކުމަށް ބަދަލުގެންނަން ޖެހޭފަދަ ސަބަބެއް ނެތްކަމަށް ސުޕްރީމް ކޯޓުގައި މި މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި ޙުކުމްކޮށްފީމެވެ.

މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ: އަޒްމިރާލްދާ ޒާހިރު ޢަލީ ރަޝީދު ޙުސައިން ޢާއިޝާ ޝުޖޫން މުޙައްމަދު (ރިޔާސަތު)

1

2 ކުންފުނި ރަޖިސްޓްރޭޝަން ނަންބަރު C-680

3 އެމްޓީސީސީގެ ނަންބަރު SCHOLAR/AGR/2006/11 އިޤުރާރު، ސިވިލް ކޯޓުގެ ނަންބަރު 2900/Cv-C/2017 ގަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ ސ. 14

4 އބމ 3 ގެ 6 ވަނަ މާއްދާ

5 އބމ ގެ 12 ވަނަ މާއްދާ

6 އބމ ގެ 14 ވަނަ މާއްދާ

7 އބމ ގެ 6 ވަނަ މާއްދާ

8 އެމް.ޓީ.ސީ.ސީ ނަންބަރު MTCC-HR/MIS/2013/169 (24 ފެބުރުއަރީ 2013)، ސިވިލް ކޯޓުގެ ނަންބަރު 2900/Cv-C/2017 ގަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ ސ. 19

9 އބމ 8

10 ޤާނޫނު ނަންބަރު 2013/3

11 ޤާނޫނު ނަންބަރު 96/10 (ކުންފުންޏާބެހޭ ޤާނޫނު) ގެ 15 ވަނަ މާއްދާ

12 ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2018/HC-A/262 ގަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު، މަޙުޟަރު ބަޔާން، ސ. 14

13 އބމ 8

14 އބމ 8

15 [2021] SC 65

2021/SC-A/81 [2024] SC 05

2019/SC-A/300 [2021] SC 778

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ޝެއަރ ކުރައްވާ