ދިވެހިރާއްޖޭގެ މަތީ މަރުޙަލާގެ ކޯޓުތަކުން ކަނޑައަޅާފައިވާ ޤާނޫނީ އުޞޫލުތައް

Maldives Legal Precedents

Saeed Lex
[2024] SC 25 · 2022/SC-A/49ސުޕްރީމް ކޯޓު · 29 މޭ 2024

މޯލްޑިވްސް މެރިން ސަރވިސަސް ޕްރައިވެޓް ލިމިޓެޑް ވ. ސީޕްރިއާ މެރިން ފުޑްސް ޕްރައިވެޓް ލިމިޓެޑް

ސުޕްރީމް ކޯޓު
ފަހުގެ ޙުކުމެއްގައި ޙަވާލާދީފައެއް ނުފެނޭޙުކުމުގެ ހާލަތު
ސުޕްރީމް ކޯޓު · 29 މޭ 2024ބާވަތް: މަދަނީ

ޚުލާޞާ

ޚުލާޞާ ނެތް.

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
—
ފަހުގެ ތާރީޚު
—

ނިންމުން

—

ކޯ ޓާމްސް

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

މި ލިޔުމުން އުޞޫލެއް ނުނެގުނު.

ފަނޑިޔާރުން

ބެންޗު
—
ޚިލާފު ރައުޔު
ނެތް

ޝަރީޢަތުގެ ވީޑިއޯ

ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.

 ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު [2024] SC 25 2022/SC-A/49 ޝަރީޢަތް ނިމުނުގޮތް މޯލްޑިވްސް މެރިން ސަރވިސަސް ޕވޓ ލޓޑ ވ. ސީޕްރިއާ މެރިން ފުޑްސް ޕވޓ ލޓޑ ފަނޑިޔާރުންގެ މަޖިލިސް ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިން ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދު

ނިމުނު ތާރީޚު 29 މެއި 2024

އިސްތިއުނާފު ކުރެވުނު ޤަޟިއްޔާ 2019/HC-A/526 އިސްތިއުނާފު ރައްދުވާ ފަރާތް އިސްތިއުނާފުކުރާ ފަރާތް ސީޕްރިއާ މެރިން ފުޑްސް ޕވޓ ލޓޑ މޯލްޑިވްސް މެރިން ސަރވިސަސް ޕވޓ ލޓޑ ޤާނޫނީ ވަކީލު: ޤާނޫނީ ވަކީލު: ސައްފާޙް މުޙައްމަދު (ޕްރެކްސިސް ލޯ ފަރމް އެލް.އެލް.ޕީ) އުއްމުކުލްޘޫމް އަބޫބަކުރު (ސަމީރު އެންޑް ޝަމާމް އެލް.އެލް.ޕީ)

މަދަނީ – އެއްބަސްވުމާ ޚިލާފުވުން – އެއްބަސްވުމާ ޚިލާފުވެގެން އެއްބަސްވުން ނިމުމަކަށް ގެނައުން – ޤާނޫނު ނަންބަރު 91/4 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 19، 20 އަދި 23 ވަނަ މާއްދާ – ޣައިރު ޙާޟިރުގައި ކުރެވޭ ޙުކުމް

ފިހުރިސްތު

ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންގެ ރައުޔު (ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު އަދި ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދު ތާއީދު ކުރައްވާފައި) 1

ތަޢާރުފު 1

މައްސަލައިގައި ކަންހިނގާފައިވާ ގޮތް 1

ސިވިލް ކޯޓުން މައްސަލަ ނިންމިގޮތް 3

ހައިކޯޓުން މައްސަލަ ނިންމިގޮތް 5

ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައިވާ ނުކުތާތައް 6

ސުޕްރީމް ކޯޓުން ގޮތް ކަނޑައަޅަންޖެހޭ ކަންކަން 7

ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 19 ވަނަ މާއްދާ 7

ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 20 އަދި 23 ވަނަ މާއްދާ 11

ޣައިރު ހާޟިރުގައި މައްސަލަ ނިންމާފައިވުން 13

މައްސަލަ ނިންމަން ފެންނަގޮތް 15

ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ ރައުޔު 15

ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔު 16

ޙުކުމް 16

` މޯލްޑިވްސް މެރިން ސަރވިސަސް ޕވޓ ލޓޑ ވ. ސީޕްރިއާ މެރިން ފުޑްސް ޕވޓ ލޓޑ [2024] SC 25 ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންގެ ރައުޔު (ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު އަދި

ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދު ތާއީދު ކުރައްވާފައި) ތަޢާރުފު

1. މި މައްސަލައަކީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2019/HC-A/526 ޤަޟިއްޔާ ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށް ބުނެ މޯލްޑިވްސް މެރިން ސަރވިސަސް ޕވޓ ލޓޑ1 )މީގެ ފަހުން "މޯލްޑިވްސް މެރިން ސަރވިސަސް" ކަމަށް ބުނެފައިވާ ފަރާތުން) ސުޕްރީމް ކޯޓަށް އިސްތިއުނާފަށް ހުށަހެޅި މައްސަލައެކެވެ. މި މައްސަލައިގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ ސީޕްރިއާ މެރިން ފުޑްސް ޕވޓ ލޓޑ2 (މީގެ ފަހުން "ސީޕްރިއާ މެރިން ފުޑްސް" ކަމަށް ބުނެފައިވާ ފަރާތް) އެވެ.

މައްސަލައިގައި ކަންހިނގާފައިވާ ގޮތް

2. 27.7 (ހަތާވީސް ޕޮއިންޓް ހަތެއް) މީޓަރުގެ ފައިބަރ ގްލާސް 2 (ދޭއް) އުޅަނދު ޑިޒައިންކޮށް، ބަނދެ ޙަވާލުކުރުމާގުޅޭ އެއްބަސްވުމެއްގައި މޯލްޑިވްސް މެރިން ސަރވިސަސް އާއި ސީޕްރިއާ މެރިން ފުޑްސް އާދެމެދު 19 ނޮވެމްބަރު 2006 ގައި ސޮއިކުރެވުނެވެ. މި ދެ އުޅަނދު ޑިޒައިންކޮށް، ބަނދެ ޙަވާލުކުރުމަށް އެއްބަސްވެފައިވާ އަގަކީ $564,706/- (ފަސްލައްކަ ފަސްދޮޅަސް ހަތަރު ހާސް ހަތްސަތޭކަ ހަ އެމެރިކާ ޑޮލަރު) އެވެ.

3. ދެފަރާތުން ވެފައިވާ އެއްބަސްވުމުގެ ޝެޑިއުލްއާ އެއްގޮތަށް ދެ އުޅަނދު ނިންމާފައި ނުވާތީ އާއި، ޝެޑިއުލްއާ އެއްގޮތަށް މަސައްކަތް ކުރިއަށް ގެންދިއުމަށް ނުކުޅެދިފައިވާތީ އާއި، މަސައްކަތުގެ ފެންވަރު ދަށްވުމާ ގުޅިގެން އެއްބަސްވުމާ އެއްގޮތަށް ކުރިއަށް ދާން ބޭނުން ނުވާކަމަށް ބުނެ، 23 އޭޕްރިލް 2009 ގައި ސީޕްރިއާ މެރިން ފުޑްސް ގެ ފަރާތުން މޯލްޑިވްސް މެރިން ސަރިވސަސް އަށް ސިޓީއެއް3 ފޮނުވާފައިވެއެވެ. އަދި ސީޕްރިއާ މެރިން ފުޑްސް ގެ ފަރާތުން އެހާތަނަށް ކެޕިޓަލްގެ ގޮތުގައި ދެއްކި ފައިސާއާއި އެފައިސާގެ އިންޓްރެސްޓް އަނބުރާ ދެއްކުމަށް މޯލްޑިވްސް މެރިން ސަރވިސަސް އަށް އަންގާފައިވެއެވެ.

4. މޯލްޑިވްސް މެރިން ސަރވިސަސް ގެ ފަރާތުން ބަޔާންވެ ދިޔަ ސިޓީއަށް ޖަވާބު ދީފައިނުވާތީ، އެފައިސާ ހޯދުމަށް ކޯޓަށް ދާނެ ކަމަށް ސީޕްރިއާ މެރިން ފުޑްސް ގެ ފަރާތުން މޯލްޑިވްސް މެރިން ސަރވިސަސްއަށް 24 ޖޫން 2009 ގައި އެންގިއެވެ.4 މި އެންގުމާ ގުޅިގެން މޯލްޑިވްސް މެރިން ސަރިވސަސްގެ ފަރާތުން ސީޕްރިއާ މެރިން ފުޑްސް އަށް ސިޓީއެއް5 ފޮނުވާފައިވެއެވެ. ދެ ކުންފުނީގެ ދެމެދުގައި ވެވުނު އެއްބަސްވުން ސީޕްރިއާ މެރިން ފުޑްސް ގެ ފަރާތުން ނިމުމަކަށް ގެނައުމާ ގުޅިގެން، ޚަރަދުކުރި ފައިސާ އަނބުރާ ދިނުމަށްޓަކައި، ބަންނަމުން ދިޔަ ދެ އުޅަނދު ވިއްކާލުމުގެ މަސައްކަތް ކުރި ކަމަށާއި، އިޤުތިޞާދަށް އައި ހީނަރު ކަމުގެ ސަބަބުން ގަންނާނެ ފަރާތެއް އެހާތަނަށް ލިބިފައި ނުވާކަމަށާއި، މި އިޤްތިޞާދީ ހީނަރުކަމުގެ ސަބަބުން ކުންފުނީގެ އެހެނިހެން ޕްރޮޖެކްޓްތައް ވެސް ހުއްޓި މާލީ ޙާލަތު ވަރަށް ދަށްވެފައިވާ ކަމަށާއި، އަދި އެހެންކަމުން ފައިސާ ދައްކާ ޚަލާސް ކުރުމަށް އިތުރު ފުރުޞަތު ބޭނުންވާކަމަށް، އެ ސިޓީ ގައި މޯލްޑިވްސް މެރިން ސަރވިސަސް އިން ބަޔާންކޮށްފައިވެއެވެ.

5. އެއްބަސްވުމާ ޚިލާފުވެގެން މި މުޢާމަލާތު ނިމުމަކަށް ގެނެސްފައިވާތީ، މުޢާމަލާތުގައި މޯލްޑިވްސް މެރިން ސަރވިސަސް އަށް ކެޕިޓަލް ފައިސާގެ ގޮތުގައި ސީޕްރިއާ މެރިން ފުޑްސް އިން ދައްކާފައިވާ $202,821.29 (ދެލައްކަ ދެހާސް އަށްސަތޭކަ އެކާވީސް އެމެރިކާ ޑޮލަރު ނަވާވީސް ސެންޓް) އާއި، މިފައިސާގެ އިންޓްރެސްޓަށްވާ $55,985.60 (ފަންސާސް ފަސް ހާސް ނުވަސަތޭކަ އަށްޑިހަ ފަސް އެމެރިކާ ޑޮލަރު ފަސްދޮޅަސް ސެންޓް) އާއި، ސީޕްރިއާ މެރިން ފުޑްސް އިން ކުރަންޖެހުނު ޤާނޫނީ މަސައްކަތުގެ ޚަރަދަށްވާ 25,000/-ރ. (ފަންސަވީސްހާސް ރުފިޔާ) މޯލްޑިވްސް މެރިން ސަރވިސަސް ގެ ކިބައިން ލިބިގަތުމަށް އެދި ސީޕްރިއާ މެރިން ފުޑްސް ގެ ފަރާތުން ސިވިލް ކޯޓުގައި ދަޢުވާ ކުރިއެވެ.

ސިވިލް ކޯޓުން މައްސަލަ ނިންމިގޮތް

6. ސިވިލް ކޯޓުން މި މައްސަލަ ބަލާފައިވަނީ އެ ކޯޓުގެ ނަންބަރު 910/Cv-C/2010 ޤަޟިއްޔާއިންނެވެ. މޯލްޑިވްސް މެރިން ސަރވިސަސް ގެ ފަރާތުން ޝަރީޢަތަށް ހާޟިރުވެފައި ނުވުމުގެ ސަބަބުން މި މައްސަލަ ކުރިއަށް ގެންގޮސްފައިވަނީ އެކުންފުނީގެ ޣައިރު ހާޟިރުގައެވެ. ދެފަރާތުން ފާހަގަކޮށްފައިވާ ނުކުތާތަކަށާއި، ހުށަހެޅިފައިވާ އެހެނިހެން ލިޔެކިޔުންތަކަށް ރިޢާޔަތްކޮށް ސިވިލް ކޯޓުން އަންނަނިވި ކަންކަން ނިންމާފައިވެއެވެ.

6.1- މޯލްޑިވްސް މެރިން ސަރވިސަސް އާއި ސީޕްރިއާ މެރިން ފުޑްސް އާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން ކެޕިޓަލް ފައިސާގެ ގޮތުގައި ސީޕްރިއާ އިން $202,821.29 (ދެލައްކަ ދެހާސް އަށްސަތޭކަ އެކާވީސް އެމެރިކާ ޑޮލަރު ނަވާވީސް ސެންޓް) ޚަރަދުކޮށްފައިވާ ކަމާއި، އަދި މި އެއްބަސްވުން ނިމުމަކަށް އައިސްފައިވާތީ މިފައިސާއަކީ ސީޕްރިއާ މެރިން ފުޑްސް އަށް މޯލްޑިވްސް މެރިން ސަރވިސަސް ގެ ފަރާތުން ދައްކަންޖެހޭ ފައިސާއެއްކަން މި މައްސަލައިގައި ހުށަހެޅިފައިވާ ލިޔުންތަކުގެ މައްޗަށް ބިނާކޮށް މަދަނީ މިންގަނޑުތަކުން ޝަރީޢަތަށް ސާބިތުވާކަން؛

6.2- ސީޕްރިއާ މެރިން ފުޑްސް އިން ހޯދުމަށް އެދިފައިވާ އިންޓްރެސްޓުގެ ފައިސާއަކީ މިއެއްބަސްވުމުގެ ދަށުން ސީޕްރިއާ މެރިން ފުޑްސް އިން ކޮށްފައިވާ ޚަރަދުގެ ފައިސާއެއްކަމަށް ނުވެފައި، މިފައިސާއަކީ ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމުގެ ދަށުން މޯލްޑިވްސް މެރިން ސަރވިސަސް އިން ދައްކަންޖެހޭ ފައިސާއެއްކަން ސީޕްރިއާ މެރިން ފުޑްސް އަށް ސާބިތުކޮށްދެވިފައި ނުވާތީ، ހިސާބުކުރެވިފައިވާ ގޮތް ދެނެގަނެވެން ނެތް މިފައިސާއަކީ މޯލްޑިވްސް މެރިން ސަރވިސަސް ގެ ކިބައިން ނަގައިދެވެން އޮތް ފައިސާއެއް ނޫންކަން؛

6.3- މޯލްޑިވްސް މެރިން ސަރވިސަސް ގެ ކިބައިން ޤާނޫނީ މަސައްކަތުގެ ޚަރަދު ހޯދުމަށް ސީޕްރިއާ މެރިން ފުޑްސް އިން އެދިފައި ވީނަމަވެސް، ދެ ޚަޞްމުންގެ ދެމެދުގައި ޤާނޫނީ ޚަރަދު ނެގުމާމެދު އެއްބަސްވުމެއް ވެފައިނުވާނަމަ، އަނެއް ޚަޞްމުގެ އަތުން ޤާނޫނީ ޚަރަދު ނަގައި ނުދެވޭނެކަމަށް ހައިކޯޓުގެ ނަންބަރު 2009/HC-A/348 ޤަޟިއްޔާގައި ކަނޑައަޅާފައިވާތީ، ސީޕްރިއާ މެރިން ފުޑްސް އާއި މޯލްޑިވްސް މެރިން ސަރވިސަސް އާ ދެމެދު އެފަދަ އެއްބަސްވުމެއް ނެތް ޙާލަތުގައި ޤާނޫނީ ވަކީލުގެ ޚަރަދަކީ ނަގައިދެވެން އޮތް ފައިސާއެއް ނޫންކަން.

7. އެހެންކަމުން މި މައްސަލައިގައި ސާބިތުވާ $202,821.29 (ދެ ލައްކަ ދެ ހާސް އަށް ސަތޭކަ އެކާވީސް އެމެރިކާ ޑޮލަރު ނަވާވީސް ސެންޓް) ސީޕްރިއާ މެރިން ފުޑްސް އަށް، 29 މެއި 2014 އިން ފެށިގެން ކޮންމެ މަހަކު މަދުވެގެން އެމަހަކަށްޖެހޭ މިންވަރު ސިވިލް ކޯޓަށް ދައްކަމުން ގޮސް 06 (ހައެއް) މަސްދުވަހުގެ ތެރޭގައި އެއްކޮށް ދައްކައި ޚަލާސްކުރުމަށް މޯލްޑިވްސް މެރިން ސަރވިސަސްގެ މައްޗަށް އެފަރާތުގެ ޣައިރު ހާޟިރުގައި ޙުކުމްކޮށްފައިވެއެވެ. މި ނިންމުން މޯލްޑިވްސް މެރިން ސަރވިސަސް ގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިވެއެވެ.

ހައިކޯޓުން މައްސަލަ ނިންމިގޮތް

8. ހައިކޯޓުގައި އެންމެ ފުރަތަމަ މިމައްސަލަ އިސްތިއުނާފު ކޮށްފައިވަނީ އެކޯޓުގެ ނަންބަރު

2017/HC-A/206 ޤަޟިއްޔާއިން 27 މާރޗް 2017 ގައެވެ. މިމައްސަލަ ހިންގުމަށްޓަކައި 2019 ސެޕްޓެމްބަރު 08 ވަނަ ދުވަހު ކޯޓަށް ޙާޟިރުވުމުގެ އަމުރެއް ފޮނުވާފައި ވީނަމަވެސް މޯލްޑިވްސް މެރިން ސަރވިސަސްގެ ފަރާތުން ޝަރީޢަތުގެ މަޖިލީހަށް ޙާޟިރުވެފައި ނުވާތީ ދަޢުވާ ފޯމު ބާޠިލްކޮށްފައިވެއެވެ. އަދި މޯލްޑިވްސް މެރިން ސަރވިސަސްގެ ފަރާތުން ދެވަނަ ފަހަރަށް އިސްތިއުނާފު ކުރުމުން މި މައްސަލަ ހައިކޯޓުން ބަލާފައިވަނީ އެ ކޯޓުގެ ނަންބަރު

2019/HC-A/526 ޤަޟިއްޔާއިންނެވެ. އަދި އަންނަނިވި ކަންކަމުގެ މައްޗަށް ބިނާކޮށް ހައިކޯޓުން ވަނީ ސިވިލް ކޯޓުގެ ޙުކުމަށް ތާއީދުކޮށްފައެވެ.

8.1- ހައިކޯޓަށް ހުށަހެޅި އިސްތިއުނާފީ އެއްވެސް ނުކުތާއެއްގައި މޯލްޑިވްސް މެރިން ސަރވިސަސްގެ ފަރާތުން ދަށު ކޯޓުގައި ވަކާލާތު ކުރުމަށް ޢައްޔަންކުރި ވަކީލު ތަނާޒުލުވުމާ ގުޅިގެން ދަށު ކޯޓުން ޢަމަލުކުރި ގޮތާއި، އެވަކީލު ޢަމަލުކުރިގޮތާ ބެހޭގޮތުން އެއްވެސް ކަމެއް ފާހަގަނުކޮށް، ތަފްޞީލުގައި މިކަން ބަޔާންކޮށްފައިވާތީ މިއީ އިސްތިއުނާފުން ބެލޭނެ ކަމެއް ނޫންކަން؛

8.2- ސީޕްރިއާ މެރިން ފުޑްސް ގެ ފަރާތުން އެއްބަސްވުން ނިމުމަކަށް ގެނައުމާ ގުޅިގެން އެކަން ޤަބޫލުކޮށް ޢަމަލީ ގޮތުން އެފައިސާ ދެއްކުމަށް މޯލްޑިވްސް މެރިން ސަރވިސަސް ގެ ފަރާތުން މަސައްކަތް ކުރިކަން، މޯލްޑިވްސް މެރިން ސަރވިސަސްގެ ފަރާތުން ސީޕްރިއާ މެރިން ފުޑްސް އަށް ފޮނުވި ސިޓީއިން ސާފުވާތީ އެއްބަސްވުން އުވާލިގޮތް ސައްޙަ ނޫންކަމަށް ބުނެ މޯލްޑިވްސް މެރިން ސަރވިސަސް އަށް ދަޢުވާގެ ދިފާޢު ބިނާ ކުރާނެ ފުރުޞަތެއް ނެތްކަން؛

8.3- އެއްބަސްވުމުގައި ބަޔާންކުރާ މަސައްކަތުގެ ޝެޑިއުލްއަށް ބަދަލު ގެނެސް ލުއިތަކެއް ސީޕްރިއާ މެރިން ފުޑްސް ގެ ފަރާތުން ދީ ހެދިކަން ސީޕްރިއާ މެރިން ފުޑްސް އިން ފޮނުވި ސިޓީ އިން އެނގޭކަމާއި، އެއްބަސްވުން ނިމުމަކަށް ގެނެސްފައިވަނީ ދެފަހަރެއްގެ މަތިން މަސައްކަތުގެ ތާވަލު އަލުން ހަދައިގެން ވެސް އެތާވަލު ތަކާއި އެއްގޮތަށް މަސައްކަތް ކުރިއަށް ނުދިއުމުންކަމަށްވާތީ، ސީޕްރިއާ މެރިން ފުޑްސް އިން ކެޕިޓަލް ގެ ގޮތުގައި ކޮށްފައިވާ ޚަރަދު މޯލްޑިވްސް މެރިން ސަރވިސަސް އިން ދައްކަންޖެހޭކަމަށް ސިވިލް ކޯޓުން ކުރި ޙުކުމްގައި ޤާނޫނީ ގޯހެއް ނެތްކަން.

9. މި ނިންމުން މޯލްޑިވްސް މެރިން ސަރވިސަސް ގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފައިވެއެވެ.

ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައިވާ ނުކުތާތައް

10. ހައިކޯޓުން މައްސަލަ ނިންމިގޮތް ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފު ކަމަށް ފެންނަ ނުކުތާގެ ގޮތުގައި މޯލްޑިވްސް މެރިން ސަރވިސަސް ގެ ފަރާތުން އިސްތިއުނާފީ ތިން ނުކުތާ ހުށަހަޅާފައިވެއެވެ.

11. އިސްތިއުނާފީ ފުރަތަމަ ނުކުތާއަކީ، ދިވެހިރާއްޖޭގެ ހައިކޯޓުން މައްސަލަ ނިންމުމުގައި ކޮންޓްރެކްޓާބެހޭ ޤާނޫނު6 ގެ 19، 20 އަދި 23 ވަނަ މާއްދާގައި ކަނޑައަޅާފައިވާ އުޞޫލުތަކަށް ރިޢާޔަތް ކުރުމެއް ނެތި މައްސަލަ ނިންމާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.

12. އިސްތިއުނާފީ ދެވަނަ ނުކުތާއަކީ، ދިވެހިރާއްޖޭގެ ހައިކޯޓުން މައްސަލަ ނިންމުމުގައި ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ) އާއި ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު7 ގެ 5 ވަނަ މާއްދާގައި ކަނޑައަޅާފައިވާ އުޞޫލުތަކަށް ރިޢާޔަތް ކުރުމެއް ނެތި މައްސަލަ ނިންމާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.

13. އިސްތިއުނާފީ ތިންވަނަ ނުކުތާއަކީ، ދިވެހިރާއްޖޭގެ ހައިކޯޓުން މައްސަލަ ނިންމުމުގައި ކޯޓަށް މީހުން ޙާޟިރުކުރުމުގައި ޢަމަލުކުރާނެ ގޮތުގެ ޤަވާޢިދުގެ 26 ވަނަ މާއްދާއާއި 28 ވަނަ މާއްދާގައި ކަނޑައަޅާފައިވާ އުޞޫލުތަކަށް ރިޢާޔަތް ކުރުމެއް ނެތި މައްސަލަ ނިންމާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.

ސުޕްރީމް ކޯޓުން ގޮތް ކަނޑައަޅަންޖެހޭ ކަންކަން

14. މޯލްޑިވްސް މެރިން ސަރވިސަސް އިން އިސްތިއުނާފުކޮށްފައިވާ ނުކުތާތަކާއި އެ ނުކުތާތަކުގެ ތަފްޞީލަށް ބަލާއިރު، ސުޕްރީމް ކޯޓުން ގޮތް ކަނޑައަޅަންޖެހެނީ އަންނަނިވި ކަންކަމުގެ މައްޗަށެވެ.

14.1- ހައިކޯޓުގެ ނިންމުން ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 19، 20 އަދި 23 ވަނަ މާއްދާގައި ބަޔާންކުރާ އުސޫލާ ޚިލާފުތޯ ނުވަތަ ނޫންތޯ؛

14.2- ހައިކޯޓުގެ ނިންމުން، ކޯޓަށް މީހުން ހާޟިރުކުރުމުގައި ޢަމަލުކުރާނެ ގޮތުގެ ޤަވާޢިދުގެ 26 އަދި 28 ވަނަ މާއްދާއާ ޚިލާފުތޯ ނުވަތަ ނޫންތޯ.

ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 19 ވަނަ މާއްދާ

15. އިސްތިއުނާފީ ފުރަތަމަ ދެ ނުކުތާގެ ތަފްޞީލުގައިވެސް މޯލްޑިވްސް މެރިން ސަރވިސަސްގެ ފަރާތުން ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 19 ވަނަ މާއްދާއާ ޙަވާލާދީފައިވެއެވެ. މޯލްޑިވްސް މެރިން ސަރވިސަސްގެ ފަރާތުން އެ މާއްދާއާ ޙަވާލާދީފައިވަނީ، އެ މާއްދާގައި ބަޔާންވެފައިވާ ޙާލަތުންކުރެ ޙާލަތެއް މެދުވެރިވެފައި ނުވަނީސް، އެއްބަސްވުމުގެ މާއްދާތަކުގެ ބޭރުން، ސީޕްރިއާ މެރިން ފުޑްސް އިން އެއްބަސްވުން ނިމުމަކަށް ގެނެސްފައިވަނީ ރަނގަޅަށް ކަމަށް ދަށު ކޯޓުންނާއި ހައިކޯޓުން ކަނޑައަޅާފައިވަނީ ޤާނޫނީ އުސޫލުތަކާ ޚިލާފަށް ކަމަށް ސާބިތުކޮށްދިނުމުގެ ގޮތުންނެވެ.

16. ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމުގައި، އެއްބަސްވުމުގެ މުއްދަތު ހަމަވުމުގެ ކުރިން ނުވަތަ އެއްބަސްވެފައިވާ ކަމެއް ފުރިހަމަވުމުގެ ކުރިން އެއްބަސްވުން ނިމުމަކަށް ގެނެވޭނެ މާއްދާއެއް ހިމެނިފައި ނުވެއެވެ.

17. ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 19 ވަނަ މާއްދާގައި ބަޔާންވެފައިވަނީ ކޮންޓްރެކްޓަކަށް ޢަމަލުކޮށް ނިމިއްޖެކަމަށް ބެލެވިދާނެ ޙާލަތްތަކެވެ. އޭގެ ތެރޭގައި ހިމެނެނީ،

(ހ) ކޮންޓްރެކްޓުގައިވާ ޝަރުޠުތަކާ އެއްގޮތްވާ ގޮތުގެ މަތިން، އޭގެ ބައިވެރިންގެ މައްޗަށް ލާޒިމުވާ ކަންތައްތައްކޮށް ނިންމުމާއި،

(ށ) ކޮންޓްރެކްޓެއްގެ ބައިވެރިން އެ ކޮންޓްރެކްޓަކީ، އެ މައްޗަށް ޢަމަލުކޮށް ނިމިއްޖެ ކޮންޓްރެކްޓެއް ކަމަށް އެއްބަސްވުމާއި، އަދި

(ނ) ޤާނޫނެއް ހިންގަން ޖެހުމުގެ ސަބަބުން ކޮންޓްރެކްޓުގައިވާ ގޮތުގެ މަތިން ޢަމަލުކުރެވެން ނެތުން، ނުވަތަ ކޮންޓްރެކްޓުގެ ބައިވެރިން ހީނުކުރާފަދަ ޙާލަތެއް މެދުވެރިވެގެން ކޮންޓްރެކްޓުގައިވާ ގޮތުގެ މަތިން ޢަމަލުކުރެވެން ނެތުމެވެ.

18. ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 19 ވަނަ މާއްދާގައިވާ މި ތިން ޙާލަތުގެ ތަފްޞީލު އެ ޤާނޫނުގެ 20، 21 އަދި 22 ވަނަ މާއްދާގައި ވަކިވަކީން ބަޔާންކޮށްފައިވެއެވެ.8 އެ ޤާނޫނުގެ 19 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ ޙާލަތާއި، އެ މާއްދާގެ (ނ) ގައި ބަޔާންކުރާ ޙާލަތު މެދިވެރިވެފައި ނުވާކަމާމެދު ހުށަހެޅިފައިވާ މައްސަލައިގައި ހިމެނޭ ދެ ފަރާތުގެ މެދުގައި ޚިލާފެއް ނެތްކަން، ދެ ފަރާތުގެ ބަހުންނާއި ހުށަހެޅިފައިވާ ލިޔެކިޔުމަށް ބެލުމުން އެނގެއެވެ.

19. ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 19 ވަނަ މާއްދާގެ (ށ) ގައި ވަނީ، ކޮންޓްރެކްޓުގެ ބައިވެރިން އެ ކޮންޓްރެކްޓަކީ، އެ މައްޗަށް ޢަމަލުކޮށް ނިމިއްޖެ ކޮންޓްރެކްޓެއް ކަމަށް އެއްބަސްވުމެވެ. މި އަކުރުގެ ތަފްޞީލު ބަޔާންވެފައިވަނީ، އެ ޤާނޫނުގެ 21 ވަނަ މާއްދާގައެވެ. އެއީ އެއްބަސްވުމަކުން ކޮންޓްރެކްޓު ނިންމުމާ ގުޅޭ މާއްދާއެވެ. އެ މާއްދާގައިވަނީ އަންނަނިވި ދެ އަކުރެވެ.

(ހ) ކޮންޓްރެކްޓެއްގެ ދަށުން ލާޒިމުކުރާ ކަންތައްތައް، އޭގެ ބައިވެރިން އެއްބަސްވެގެން، ބޭނުންވެއްޖެ ހިނދެއްގައި ނިމުމަކަށް ގެނެވިދާނެއެވެ.

(ށ) މިފަދަ ކޮންމެ އެއްބަސްވުމެއް އޮންނަންވާނީ ޤާނޫނާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.

20. ހުށަހެޅިފައިވާ މައްސަލައިގައި، ދެ ސަބަބެއްގެ މައްޗަށް ބިނާކޮށް އެއްބަސްވުން ނިމުމަކަށް ގެންނަން އެދޭ ކަމަށް ސީޕްރިއާ މެރިން ފުޑްސް އިން ބުނެފައިވެއެވެ. އެއީ، އެއްބަސްވުމުގެ ޝެޑިއުލްތަކާ އެއްގޮތަށް މޯލްޑިވްސް މެރިން ސަރވިސަސް އިން އުޅަނދުތައް ބަނދެ ނިންމާފައި ނުވުމާއި، މަސައްކަތުގެ ކޮލިޓީ ދަށްވުމެވެ.9 މި ދެ ސަބަބުގެ މައްޗަށް ބިނާކޮށް ސީޕްރިއާ މެރިން ފުޑްސް އިން އެދިފައިވަނީ އެ ކުންފުނިން މޯލްޑިވްސް މެރިން ސަރވިސަސް އަށް ދައްކާފައިވާ ކެޕިޓަލް ފައިސާ، އެ ފައިސާއަށްވާ އިންޓްރެސްޓާއެކު އަނބުރާ ލިބިގަތުމަށެވެ.

21. ބަޔާންވެދިޔަ ސިޓީއަށް މޯލްޑިވްސް މެރިން ސަރވިސަސްގެ ފަރާތުން ލިޔުމުން ޖަވާބެއް ދީފައިވާކަން ޝަރީޢަތަށް ހުށަހެޅިފައިވާ ލިޔެކިޔުމުން ފެންނާކަށް ނެތެވެ. އެހެންނަމަވެސް، ސިޓީގައި ސީޕްރިއާ މެރިން ފުޑްސް އިން އެދިފައިވާ ކަންކަން ފުރިހަމަކުރުމުގެ ގޮތުން މޯލްޑިވްސް މެރިން ސަރވިސަސް އިން މަސައްކަތްތަކެއް ކޮށްފައިވާކަން މޯލްޑިވްސް މެރިން ސަރވިސަސްގެ 27 ޖޫން 2009 ގެ ސިޓީއިން އެނގިގެންދެއެވެ. ސީޕްރިއާ މެރިން ފުޑްސް އަށް ފޮނުވާފައިވާ އެ ސިޓީގައި ބަޔާންވެފައިވަނީ،

"މި ކުންފުންޏާއި ތިޔަފަރާތާއި ދެމެދު ވެވުނު އެއްބަސްވުމެއްގެ ދަށުން ބަންނަމުން އައި ދެ ދޯނީގެ މަސައްކަތް ތިޔަފަރާތުން އިތުރަށް ކުރިޔަށް ނުގެންދަން ނިންމުމާއި ގުޅިގެން އެދެދޯނި ވިއްކާލައި ތިޔަ ކުންފުނިން މިކަމަށް ހަރަދުކުރި ފައިސާ ދިނުމަށްޓަކައި މިކުންފުނިން ގިނަގުނަ މައްސައްކަތްތަކެއް ކޮށްފައިވާނެއެވެ..."10

މިފަދައިންނެވެ.

22. އެއްބަސްވުން ނިމުމަކަށް ގެނެވިދާނެ ކަމާމެދު މި ސިޓީގައި މޯލްޑިވްސް މެރިން ސަރވިސަސްގެ ފަރާތުން އިއުތިރާޟު ކޮށްފައި ނުވެއެވެ. އެއާ ޚިލާފަށް، ސީޕްރިއާ މެރިން ފުޑްސް އިން އެއްބަސްވުން ނިމުމަކަށް ގެންނަން އެދިފައިވާ އެދުމަށް މޯލްޑިވްސް މެރިން ސަރވިސަސް އިން މިވަނީ ޢަމަލުން އިޖާބަދީފައެވެ. އެއްބަސްވުމަށް ޢަމަލުކުރުން ހުއްޓާލައި، ސީޕްރިއާ މެރިން ފުޑްސް ގެ ފައިސާ އެ ކުންފުންޏަށް އަނބުރާ ދިނުމަށްޓަކައި، އެ ދެ އުޅަނދު ވިއްކާލުމުގެ މަސައްކަތް މޯލްޑިވްސް މެރިން ސަރވިސަސް އިން ވަނީ ފަށާފައެވެ. އެފަދައިން ޢަމަލުކޮށްފައިވަނީ މޯލްޑިވްސް މެރިން ސަރވިސަސްގެ އިޚްތިޔާރުން ބޭރުންކަން ދަލީލުކޮށްދޭ އެއްވެސް ހެއްކެއް އަދި ވާގިއާ އެއްވެސް ނެތެވެ. މިއިން އެނގެނީ ދެ ފަރާތުގެ ދެމެދުގައި ވެވުނު އެއްބަސްވުން ނިމުމަކަށް ގެނެވިފައިވަނީ ދެ ފަރާތުން އެކަމަށް ރުހި ޤަބޫލުވެގެން ކަމެވެ.

23. ކޮންޓްރެކްޓުގައި ކަނޑައަޅާފައިވާ މުއްދަތު ހަމަވުމުގެ ކުރިން ނުވަތަ ކޮންޓްރެކްޓުގައި ކުރަން އެއްބަސްވެފައިވާ ކަމެއް ފުރިހަމަކޮށް ނިމުމުގެ ކުރިން ކޮންޓްރެކްޓުގެ ބައިވެރިން ރުހިޤަބޫލު ވެގެން އެ ކޮންޓްރެކްޓެއް ނިމުމަކަށް ގެނެވިދާނެކަން ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 19 ވަނަ މާއްދާއާއި 21 ވަނަ މާއްދާއިން އެނގެއެވެ.11 މި މައްސަލައިގެ ވާގިއާތަކަށް ރިޢާޔަތްކުރާއިރު، މައްސަލައިގައި ހިމެނޭ ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުން ނިމުމަކަށް ގެނެވިފައިވަނީ އެފަދައިން ކަމުގައި ޤަބޫލުކުރެވެއެވެ. އަދި އެހެންކަމުން، އެ އެއްބަސްވުން ނިމުމަކަށް ގެނެސްފައިވާނީ ރަނގަޅަށް ކަމަށް ސިވިލް ކޯޓުން ނިންމި ނިންމުމަށް ހައިކޯޓުން ތާއީދުކޮށްފައިވަނީ ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 19 ވަނަ މާއްދާގައި ބަޔާންވެފައިވާ އުސޫލުން ބޭރުން ކަމުގައި ކަނޑައަޅާނެ ތަނެއް ނެތެވެ.

ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 20 އަދި 23 ވަނަ މާއްދާ

24. ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 20 ވަނަ މާއްދާއާ ޙަވާލާދީ މޯލްޑިވްސް މެރިން ސަރވިސަސްގެ ފަރާތުން ދައްކާފައިވާ ވާހަކަތަކުގެ ތެރޭގައި ފާހަގަކުރަނީ، އެއްބަސްވުމުގައިވާ ޝެޑިއުލްއާ އެއްގޮތަށް އުޅަނދުތަކުގެ މަސައްކަތް ނިމިފައި ނުވަނީ، ކޮންޓްރެކްޓުގައިވާ މަސައްކަތް ފުރިހަމަކުރުމުގެ ގޮތުން ސީޕްރިއާ މެރިން ފުޑްސްގެ ފަރާތުން މޯލްޑިވްސް މެރިން ސަރވިސަސްއަށް ދޭންޖެހޭ ފައިސާ ދިނުން ލަސްކޮށްފައިވާތީ ކަމަށާއި، އެފަދަ ލުޔެއް މޯލްޑިވްސް މެރިން ސަރވިސަސްގެ ފަރާތުން ސީޕްރިއާ މެރިން ފުޑްސްއަށް ދީފައިނުވާނެ ކަމަށެވެ. އަދި ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާއާ ޙަވާލާދީ ބުނެފައިވަނީ، ސީޕްރިއާ މެރިން ފުޑްސް އިން އެއްބަސްވުން ނިމުމަކަށް ގެނައުމާ ގުޅިގެން މޯލްޑިވްސް މެރިން ސަރވިސަސް އަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށާއި، މި ގެއްލުންތަކުގެ ޒިންމާ ސީޕްރިއާ މެރިން ފުޑްސް އިން ނަގަންޖެހޭނެ ކަމަށެވެ.

25. މި ވާހަކަތަކުގެ ރައްދުގައި ސީޕްރިއާ މެރިން ފުޑްސްގެ ފަރާތުން ބުނެފައިވަނީ، ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 20 ވަނަ މާއްދާއާ ޙަވާލާދީ ހައިކޯޓަށް ހުށަހަޅާފައިވާ ނުކުތާއާމެދު އެކޯޓުން ނިންމި ނިންމުން ޚިލާފުވާ ޤާނޫނީ އަސާސަކީ ކޮބާކަން ބަޔާންކުރުމުގެ ބަދަލުގައި، މޯލްޑިވްސް މެރިން ސަރވިސަސްގެ ފަރާތުން މަސައްކަތް ކޮށްފައިވަނީ އެ މާއްދާއާ ޙަވާލާދީ އެއްބަސްވުން ބާޠިލްކުރި ގޮތުގެ ސައްޙަކަމާ މެދު އެހެން ގޮތަކަށް ސުވާލު އުފައްދަންކަމަށެވެ. އަދި ހައިކޯޓަށް ހުށަހެޅުނު އެއްވެސް ނުކުތާއެއްގައި ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާއާ ޚިލާފުވެގެން ނުކުތާއެއް ހިމަނާފައި ނުވާއިރު، މި ޤާނޫނީ ބަހުސް ސުޕްރީމް ކޯޓުން ބަލައިގަނެ ގޮތެއް ކަނޑައަޅައިފިނަމަ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު12 ގެ 16 ވަނަ މާއްދާއާއި، ސުޕްރީމް ކޯޓުގެ ކަޕޫރުﷲ ޔޫސުފް ވ. މޯލްޑިވްސް ކަސްޓަމްސް ސަރވިސް13 ޤަޟިއްޔާގެ 9 ވަނަ ނުކުތާގައި ބަޔާންވެފައިވާ އުސޫލާ ޚިލާފުވާނެކަމަށް ސީޕްރިއާ މެރިން ފުޑްސްގެ ފަރާތުން ބުނެފައިވެއެވެ.

26. ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 20 ވަނަ މާއްދާއާ ގުޅިގެން ހައިކޯޓުން ނިންމާފައިވަނީ، އެއްބަސްވުން ނިމުމަކަށް ގެންނަން ބޭނުންވާކަމަށް ބުނެ ސީޕްރިއާ މެރިން ފުޑްސް އިން ފޮނުވި ސިޓީއަށް އިއުތިރާޟުކޮށް، އެ އެންގުމަށް ރައްދުދީ އެއްބަސްވުން ރޫޅާނުލެވޭނެކަމަށް ނުވަތަ ދީފައިވާ ލުއިގެ މަންފާ ލިބިދޭންޖެހޭކަމަށް ބުނެ ވާހަކަ ދައްކާފައި ނުވާކަމަށެވެ. އަދި އެއްބަސްވުމުގައިވާ މަސައްކަތުގެ ތާވަލަށް ބަދަލުގެނެސް ލުއިގޮތްތަކެއް ދީގެންވެސް އެ ތާވަލުތަކާ އެއްގޮތަށް މަސައްކަތްކުރިއަށް ގެންދެވިފައި ނުވާކަން ސީޕްރިއާ މެރިން ފުޑްސް އިން ފޮނުވި ސިޓީ އިން އެނގޭކަމަށާއި، އެހެންކަމުން ސީޕްރިއާ މެރިން ފުޑްސް އިން ކެޕިޓަލްގެ ގޮތުގައި ކޮށްފައިވާ ޚަރަދު މޯލްޑިވްސް މެރިން ސަރވިސަސް އިން ދައްކަންޖެހޭ ކަމަށް ސިވިލް ކޯޓުން ކުރި ޙުކުމުގައި ގޯހެއް ނެތްކަމަށް ހައިކޯޓުން ނިންމާފައިވެއެވެ.14

27. ދެފަރާތުގެ ދެމެދުގައިވާ އެއްބަސްވުމުގެ ދަށުން ލުއިތަކެއް ދީފައިވާނަމަ، އެ ލުއިތަކުގެ މަންފާ ހޯދުމަށް މޯލްޑިވްސް މެރިން ސަރވިސަސްގެ ފަރާތުން ވަކާލާތު ކޮށްފައިވާކަން، މި ރައުޔުގެ 21 ވަނަ ޕެރެގްރާފުގައި ޙަވާލާދެވިފައިވާ އެ ކުންފުނީގެ ސިޓީއިން، އަދި ދެފަރާތުގެ ދެމެދުގައި ކުރެވިފައިވާ އެހެން މުޢާމަލާތަކުންވެސް އެނގޭކަށް ނެތެވެ. އަދި ސީޕްރިއާ މެރިން ފުޑްސްގެ ފަރާތުން އެއްބަސްވުން ރޫޅާލަން ނިންމުމުން، އެއްބަސްވުމާ އެއްގޮތަށް މަސައްކަތް ނިމިފައި ނުވަނީ، ކެޕިޓަލް ފައިސާ ލިބުން ލަސްވުމުގެ ސަބަބުން ކަމުގައި ބުނެވެސް، އެއްބަސްވުން ނިމުމަކަށް ގެންނަން މޯލްޑިވްސް މެރިން ސަރވިސަސް އިން ދެކޮޅު ހަދާފައިވާކަން ފެންނާކަށް ނެތެވެ. އެހެންކަމުން ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 20 ވަނަ މާއްދާއާ ގުޅިގެން ހައިކޯޓުން ނިންމާފައިވާ ނިންމުމުގައި ޤާނޫނީ ގޯހެއް ވާކަމުގައި ކަނޑައަޅާނެ ތަނެއް ނެތެވެ.

28. އަދި ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާއާ ޙަވާލާދީ މޯލްޑިވްސް މެރިން ސަރވިސަސްގެ ފަރާތުން ހައިކޯޓުގައި އެއްވެސް ކަމެއް ފާހަގަކޮށްފައި ނުވާތީ، އެ މާއްދާއަށް ރިޢާޔަތްކޮށް ހުށަހަޅާފައިވާ ކަންކަމާމެދު ސުޕްރީމް ކޯޓުން ގޮތެއް ކަނޑައެޅާނެ ތަނެއް އޮތް ކަމުގައި ނުދެކެމެވެ.

ޣައިރު ހާޟިރުގައި މައްސަލަ ނިންމާފައިވުން

29. އިސްތިއުނާފީ ތިންވަނަ ނުކުތާގައި މޯލްޑިވްސް މެރިން ސަރވިސަސްގެ ފަރާތުން ބުނެފައިވަނީ، ކޯޓަށް މީހުން ހާޟިރުކުރުމުގައި ޢަމަލުކުރާނެ ގޮތުގެ ގަވާއިދުގެ 26 އަދި 28 ވަނަ މާއްދާއާ ޚިލާފަށް، މޯލްޑިވްސް މެރިން ސަރވިސަސްގެ ޣައިރު ހާޟިރުގައި މި މައްސަލަ ސިވިލް ކޯޓުން ނިންމާފައިވީ ނަމަވެސް، އެވާހަކަ އިސްތިއުނާފީ ނުކުތާއެއްގެ ގޮތުގައި ހުށަހަޅާފައި ނުވާކަމުގެ މައްޗަށް އެކަނި ބިނާކޮށް، ހައިކޯޓުން ސިވިލް ކޯޓުގެ ޙުކުމަށް ތާއީދުކޮށް ނިންމާފައިވާ ނިންމުން ބަލައިނުގަންނަ ކަމަށެވެ.

30. ހައިކޯޓަށް މޯލްޑިވްސް މެރިން ސަރވިސަސްގެ ފަރާތުން ހުށަހެޅި އިސްތިއުނާފީ ނުކުތާތަކަށް ބަލާއިރު ޣައިރު ހާޟިރުގައި ޙުކުމްކުރި ކުރުމާމެދު ވަކި އިސްތިއުނާފީ ނުކުތާއެއް ހުށަހަޅާފައި ނުވެއެވެ. ނަމަވެސް އެއްވެސް އިސްތިއުނާފީ ނުކުތާއަކާ ނުގުޅުވައި ހައިކޯޓުގެ އިސްތިއުނާފު ފޯމުގައި ސިވިލް ކޯޓުން މައްސަލަ މޯލްޑިވްސް މެރިން ސަރވިސަސްގެ ޣައިރު ހާޟިރުގައި ހިންގުމުގެ ޝަކުވާ ހިމަނާފައިވެއެވެ.

31. މިކަމާ ގުޅިގެން ހައިކޯޓުގެ ނިންމުމުގައި ބަޔާންވެފައިވަނީ، ޣައިރު ހާޟިރުގައި މައްސަލަ ނިންމުމަކީ އޭގެ އަސްލުން ބާޠިލު އިޖުރާއަތެއް ނޫންކަމަށާއި، އިސްތިއުނާފުކުރާ ފަރާތުގެ ކަމަކީ، އެ އިޖުރާއަތަށް ޢަމަލު ކުރުމުގައި ހެދިފައިވާ ޤާނޫނީ ގޯހެއް ބުނެދިނުން ކަމަށާއި، އެފަދައިން ބުނެ ނުދީ، އެކަން ބަޔާންކޮށް އިސްތިއުނާފީ ނުކުތާއެއްވެސް ހުށަނާޅައި، އަމާޒެއްނެތި ބަޑިތަޅައިގަންނަ އުސޫލުން، ދިމާވެއްޖެނަމަ ކާމިޔާބުވާނެ ކަމުގެ އުއްމީދުގައި ފޮނުވާލާ އުންޑަތަކަކީ އިސްތިއުނާފީ ނުކުތާތަކެއްގެ ގޮތުގައި ހިފުމަކީ ކުރެވޭނެ ކަމެއް ނޫންކަމަށެވެ.15

32. އިސްތިއުނާފީ ނުކުތާތަކެއް ކޯޓަށް ހުށަހެޅުމުގެ ބޭނުމަކީ ޚުޞޫމަތުގައި ދެން ހިމެނޭ ފަރާތަށް ނުވަތަ ފަރާތްތަކަށް އެ ނުކުތާތަކަށް ޖަވާބުދާރީ ވުމުގެ މަގު ފަހިކޮށްދިނުމެވެ. މައްސަލަ ހުށަހަޅާ ފަރާތާއި، މައްސަލަ ރައްދުވާ ފަރާތަށް ޝަރީޢަތުގެ މަރުޙަލާގައި ހުށަހަޅާ ކަންކަމުގައި ހަމަހަމަ ފުރުޞަތު ލިބިދިނުމެވެ. އަދި ހުށަހެޅިފައިވާ ކަންކަމުގެ މައްޗަށް އަމާޒު ގެއްލި، މައުޟޫޢު އިން ބޭރުވެގެން ދިއުމުން ދުރުކޮށްދިނުމެވެ.

33. ހުށަހެޅިފައިވާ މި މައްސަލައިގައި، މޯލްޑިވްސް މެރިން ސަރވިސަސްގެ ޣައިރު ހާޟިރުގައި ސިވިލް ކޯޓުގައި ކުރެވުނު ޙުކުމްއާ ގުޅޭ ޝަކުވާއަށް ހައިކޯޓުން ޖަވާބު ދީފައިވެއެވެ. އެގޮތުން ޣައިރު ހާޟިރުގައި ކުރެވުނު އެ ޙުކުމް ޤާނޫނާ ޚިލާފުވާ ގޮތެއް މޯލްޑިވްސް މެރިން ސަރވިސަސްއަށް ބުނެދެވިފައި ނުވާކަމަށް ފާހަގަކޮށްފައިވެއެވެ. މޯލްޑިވްސް މެރިން ސަރވިސަސްގެ ފަރާތުން ހައިކޯޓަށް ހުށަހެޅި އިސްތިއުނާފީ ފޯމުގައި ތަފްސީލުގައި ދައްކާފައިހުރި ވާހަކަތަކުގައިވެސް ސިވިލް ކޯޓުން އެ މައްސަލަ ޣައިރު ހާޟިރުގައި ނިންމި ނިންމުން ޤާނޫނާ ޚިލާފުވާ ގޮތެއް ބަޔާންކޮށްދީފައިނުވެއެވެ. އަދި ސުޕްރީމް ކޯޓުގައި، ކޯޓަށް މީހުން ހާޟިރުކުރުމުގައި ޢަމަލުކުރާނެ ގޮތުގެ ގަވާއިދުގެ 26 އަދި 28 ވަނަ މާއްދާއާ ހަވާލާދޭ ދިނުމަކީ ހައިކޯޓަށް ހުށަހެޅުނު ފޯމުގައި އެ ވާހަކަ އެއްވެސް ވަރަކަށް ނުދެކެވޭ އައު ވާހަކަތަކެއްކަންވެސް ފާހަގަކުރެވެއެވެ.

34. ހައިކޯޓަށް ހުށަހެޅުނު އިސްތިއުނާފީ ފޯމުގައި ހުރި ކަންކަމަށް އެ ކޯޓުން ދީފައިވާ ޖަވާބުގައި އޮތް ޤާނޫނީ ގޯހަކީ ކޮބައިކަމެއް މޯލްޑިވްސް މެރިން ސަރވިސަސްއަށް ސުޕްރީމް ކޯޓުގައި ބުނެދެވިފައިނުވެއެވެ. ވުމާއެކު، އިސްތިއުނާފީ ތިންވަނަ ނުކުތާގައިވެސް ސުޕްރީމް ކޯޓުން ގޮތް ކަނޑައަޅާނެ ޤާނޫނީ ބަހުސެއް މޯލްޑިވްސް މެރިން ސަރވިސަސްއަށް ބަޔާންކޮށްދެވިފައިނުވެއެވެ.

މައްސަލަ ނިންމަން ފެންނަގޮތް

35. ހައިކޯޓުގެ ނަންބަރު 2019/HC-A/526 ޤަޟިއްޔާގެ ޙުކުމް ޤާނޫނީ އުސޫލާ ޚިލާފުވާ ސަބަބެއް މޯލްޑިވްސް މެރިން ސަރވިސަސް އަށް ބުނެދެވިފައި ނުވާތީ، އެ ނިންމުން ބާޠިލުކުރަންޖެހޭ ތަނެއް ނެތްކަމަށް ކަނޑައަޅަން ފެނެއެވެ.

ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ ރައުޔު

36. މި މައްސަލައިގައި ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔު

37. މި މައްސަލައިގައި ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

ޙުކުމް

އިސްވެ ބަޔާންވެ ދިޔަ ކަންކަން އެގޮތަށް ހުރުމުން، ހައިކޯޓުގެ ނަންބަރު 2019/HC-A/526 ޤަޟިއްޔާގެ ނިންމުން ޤާނޫނާ ޚިލާފު ކަމަށް ބަލާނެ ސަބަބެއް ނެތުމުން، ހައިކޯޓުގެ އެނިންމުމަށް ތާއީދުކޮށް، ސުޕްރީމް ކޯޓުގައި މިމައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމްކޮށްފީމެވެ.

މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ: އަޒްމިރާލްދާ ޒާހިރު ޢަލީ ރަޝީދު ޙުސައިން ޢާއިޝާ ޝުޖޫން މުޙައްމަދު (ރިޔާސަތު)

1 ކުންފުނި ރަޖިސްޓްރޭޝަން ނަންބަރު C-169/2006

2 ކުންފުނި ރަޖިސްޓްރޭޝަން ނަންބަރު C-449/2005

3 ސީޕްރިއާ މެރިން ފުޑްސްގެ ނަންބަރު CMF/ADM/006/2009 (23 އޭޕްރީލް 2009) ސިޓީ، ސިވިލް ކޯޓުގެ ނަންބަރު 910/Cv-C/2010 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު، ސ. 31

4 ސީޕްރިއާ މެރިން ފުޑްސް ގެ ނަންބަރު CMF/ADM/075/2008 (24 ޖޫން 2009) ސިޓީ، ސިވިލް ކޯޓުގެ ނަންބަރު 910/Cv-C/2010 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު، ސ. 33

5 މޯލްޑިވްސް މެރިން ސަރވިސަސްގެ ނަންބަރު MMS/PVT/2009/19 (27 ޖޫން 2009) ސިޓީ، ސިވިލް ކޯޓުގެ ނަންބަރު

910/Cv-C/2010 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު، ސ. 35

6 ޤާނޫނު ނަންބަރު 4/91

7 ޤާނޫނު ނަންބަރު 2010/13

8 (ޙުސްނުއްސުޢޫދު. 2016)، ދިވެހިރާއްޖޭގެ ކޮންޓްރެކްޓާބެހޭ ޤާނޫނު ދެނެގަތުން، މޯލްޑިވްސް ލޯ އިންސްޓިޓިއުޓް، https://justicesuood.com/public/uploads/1612018073468Textbook%20on%20Contract%20Law.pdf، ސ. 150

9 އބމ 4

10 އބމ 5

11 އބމ 8، ސ. 154

12 ޤާނޫނު ނަންބަރު 2010/22

13 [2021] SC 75

14 ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2019/HC-A/526 ޤަޟިއްޔާގެ "ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު"، ސ. 21-20، ޕެރެގްރާފް 34-33

15 އބމ، ސ. 13-14، ޕެރެގްރާފް 20

2022/SC-A/49 [2024] SC 25

2019/SC-A/300 [2021] SC 778

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ޝެއަރ ކުރައްވާ