ދިވެހިރާއްޖޭގެ މަތީ މަރުޙަލާގެ ކޯޓުތަކުން ކަނޑައަޅާފައިވާ ޤާނޫނީ އުޞޫލުތައް

Maldives Legal Precedents

Saeed Lex
[2024] SC 38 · 2022/SC-A/73ސުޕްރީމް ކޯޓު · 24 ޖުލައި 2024

ޢަލީ ޒާހިރު ވ. ދަ މޮރިޝަސް ކޮމާރޝަލް ބޭންކް (މޯލްޑިވްސް) ޕްރައިވެޓް ލިމިޓެޑް

ސުޕްރީމް ކޯޓު
ފަހުގެ ޙުކުމެއްގައި ޙަވާލާދީފައެއް ނުފެނޭޙުކުމުގެ ހާލަތު
ސުޕްރީމް ކޯޓު · 24 ޖުލައި 2024ބާވަތް: މަދަނީ

ޚުލާޞާ

ޚުލާޞާ ނެތް.

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
—
ފަހުގެ ތާރީޚު
—

ނިންމުން

—

ކޯ ޓާމްސް

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

މި ލިޔުމުން އުޞޫލެއް ނުނެގުނު.

ފަނޑިޔާރުން

ބެންޗު
—
ޚިލާފު ރައުޔު
ނެތް

ޝަރީޢަތުގެ ވީޑިއޯ

ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.

 ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު [2024] SC 38 2022/SC-A/73 ޝަރީޢަތް ނިމުނުގޮތް ޢަލީ ޒާހިރު ވ. ދަ މޮރިޝަސް ކޮމާރޝަލް ބޭންކް (މޯލްޑިވްސް) ޕްރައިވެޓް ލިމިޓެޑް ފަނޑިޔާރުންގެ މަޖިލިސް ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދު ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިން ނިމުނު ތާރީޚު 24 ޖުލައި 2024

އިސްތިއުނާފު ކުރެވުނު ޤަޟިއްޔާ 2019/HC-A/565 އިސްތިއުނާފު ރައްދުވާ ފަރާތް އިސްތިއުނާފުކުރާ ފަރާތް ދަ މޮރިޝަސް ކޮމާރޝަލް ބޭންކް (މޯލްޑިވްސް) ޕްރައިވެޓް ލިމިޓެޑް ޢަލީ ޒާހިރު، މިސްކިތްމަގު، މާހުގެ، ޏ.ފުވައްމުލައް ބަދަލުގައި: އަލްއުސްތާޛު އުޘްމާން ޝާޛު، އިންހައުސް ލީގަލް ކައުންސެލް.

ޤާނޫނީ ވަކީލު: މުޙައްމަދު ޝަހުދީ އަންވަރު، އެސް އެންޑް އޭ ލޯޔަރސް އެލް.އެލް.ޕީ. ޤާނޫނީ ވަކީލު: މަޙްފޫޡް ސަޢީދު، ލެކްސަވީ ޗެމްބަރސް އެލް.އެލް.ޕީ

މަދަނީ- އެކައުންޓުގައި ފައިސާ ނެތި ޗެކަށް ފައިސާ ދޫކުރުން - ޤާނޫނު ނަންބަރު 95/16 (ފައިސާއަށް ބަދަލުކުރެވޭ ގޮތުގައި ގެންގުޅޭ ލިޔުމާބެހޭ ޤާނޫނު) ގެ 21،29،30 ވަނަ މާއްދާ - ކަރަންޓް އެކައުންޓް - އޯވަރޑްރާފްޓް - ކޮންޓްރެކްޓާބެހޭ ޤާނޫނު

ފިހުރިސްތު

ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔު 1

ތަޢާރުފު 1

މައްސަލައިގެ ކަންހިނގާފައިވާ ގޮތް 1

ސިވިލް ކޯޓުގެ ނަންބަރު 457/Cv-C/2019 ޤަޟިއްޔާ 3

އިސްތިއުނާފު ކުރެވޭ މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައިވާ ގޮތް 4

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައިވާ ނުކުތާތަކާއި އޭގެ ރައްދު 5

ސުޕްރީމް ކޯޓުން ގޮތް ކަނޑައަޅަންޖެހޭ ނުކުތާ 9

ޗެކަށް ފައިސާ ދޫކުރުމާ ގުޅޭ ގޮތުން ޤާނޫނުގައި ބަޔާންކޮށްފައިވާ ކަންކަން 9

ކަންހިނގާފައިވާ ގޮތަށް ޤާނޫނު ތަޠުބީޤުކުރުން 11

އެހެނިހެން ކަންކަން 23

ކޮންޓްރެކްޓާބެހޭ ޤާނޫނު 23

ފައިސާ ދެއްކުމަށް ޒިންމާވާންޖެހޭކަން ނުވަތަ ނޫންކަން 26

ނިންމަން ފެންނަގޮތް 27

ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ ރައުޔު 27

ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންގެ ރައުޔު 28

މައްސަލަ ނިންމަން ފެންނަ ގޮތް 30

ޙުކުމް 31

` ޢަލީ ޒާހިރު ވ. ދަ މޮރިޝަސް ކޮމާރޝަލް ބޭންކް (މޯލްޑިވްސް) ޕްރައިވެޓް ލިމިޓެޑް [2024] SC 38 ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔު (ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު ތާއީދު ކުރައްވާފައި)

ތަޢާރުފު

1. މިއީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2019/HC-A/565 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށްޓަކައި މިސްކިތްމަގު، ޢަލީ ޒާހިރު1 (މީގެ ފަހުން "އިސްތިއުނާފު ކުރާ ފަރާތް" ނުވަތަ "ޢަލީ ޒާހިރު"( ގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅުމުން،

މި ކޯޓުގެ ނަންބަރު 2022/SC-A/73 ޤަޟިއްޔާއިން ބެލި އިސްތިއުނާފީ މައްސަލައެކެވެ.

މި ޤަޟިއްޔާގައި އިސްތިއުނާފު ރައްދުވަނީ ދަ މޮރިޝަސް ކޮމާރޝަލް ބޭންކް (މޯލްޑިވްސް) ޕްރައިވެޓް ލިމިޓެޑް2 (މީގެ ފަހުން "އެމްސީބީ") ގެ މައްޗަށެވެ.

މައްސަލައިގެ ކަންހިނގާފައިވާ ގޮތް

2. އެމްސީބީގައި ޢަލީ ޒާހިރުގެ ނަމުގައި ހުޅުވާފައިވާ އެކައުންޓުން3 2,305,100/-ރ. (ދެ މިލިއަން ތިންލައްކަ ފަސްހާސް އެއްސަތޭކަ ރުފިޔާ) ނެގޭ ގޮތަށް 08 ފެބުރުވަރީ 2016 ގެ ތާރީޚުގައި ޢަބްދުﷲ ނަޞީރު މުޙައްމަދު ކިޔާ މީހަކަށް ޢަލީ ޒާހިރުގެ ފަރާތުން ޗެކެއް ދޫކޮށްފައިވެއެވެ.4 އަދި 09 ފެބްރުވަރީ 2016 ވަނަ ދުވަހު ޢަބްދުﷲ ނަޞީރުގެ ފަރާތުން ޢަލީ ޒާހިރަށް ދޫކޮށްފައިވާ 4,125,000/-ރ. (ހަތަރު މިލިއަން އެއްލައްކަ ފަންސަވީސްހާސް ރުފިޔާ) ގެ ޗެކެއް އިސްވެ ބުނެވުނު ޢަލީ ޒާހިރުގެ އެކައުންޓަށް ޖަމާކުރުމަށް ހުށަހެޅުމުން، ޗެކު ޖަމާކުރިކަމުގެ ސްލިޕެއް (ޗެކު ޑިޕޮސިޓް ސްލިޕް) އެމްސީބީގެ ފަރާތުން ޢަލީ ޒާހިރަށް ދޫކޮށްފައިވެއެވެ.5

3. ކަން މިހެން ވެފައިވަނިކޮށް، ޢަލީ ޒާހިރުގެ ފަރާތުން ޢަބްދުﷲ ނަޞީރު މުޙައްމަދަށް ދޫކޮށްފައިވާ (ނަންބަރު 0478451) ޗެކަށް 2,305,100/-ރ. (ދެ މިލިއަން ތިންލައްކަ ފަސްހާސް އެއްސަތޭކަ ރުފިޔާ) 10 ފެބްރުވަރީ 2016 ގައި އެމްސީބީގެ ފަރާތުން ޢަބްދުﷲ ނަޞީރަށް ފައިސާ ދޫކޮށްފައިވެއެވެ. އަދި ހަމަ އެ ދުވަހު، ޢަލީ ޒާހިރުގެ އެކައުންޓަށް ޖަމާކުރުމަށް ހުށަހެޅުނު 4,125,000/-ރ. (ހަތަރު މިލިއަން އެއްލައްކަ ފަންސަވީސްހާސް ރުފިޔާ) ގެ ޗެކު ދޫކޮށްފައިވާ އެކައުންޓުގައި އެ އަދަދަށް ފައިސާ ނެތުމުން ޗެކް ބައުންސްވެފައިވާކަން ޢަލީ ޒާހިރަށް އަންގާފައިވެއެވެ.

4. ޢަލީ ޒާހިރުގެ އެކައުންޓުން އޯވަރޑްރޯކޮށް ބޭންކުން ދޫކޮށްފައިވާ ފައިސާއާ ގުޅިގެން، ބޭންކުގެ އިހުމާލުވެސް މިކަމުގައި އޮތް ކަމަށް ބަޔާންކޮށް، އެ ފައިސާ ދިގު މުއްދަތަކަށް ބަހާލެވޭ ލޯނެއްގެ ގޮތުގައި ހަމަޖައްސައި ދިނުމަށް އެދި ޢަލީ ޒާހިރުގެ ފަރާތުން 03 މާރިޗު 2016 ގައި އެމްސީބީއަށް ސިޓީއެއް ފޮނުވާފައިވެއެވެ.6 ނަމަވެސް އެ ސިޓީއަށް އެމްސީބީގެ ފަރާތުން ޖަވާބެއް ދީފައިވާކަން އެނގެން ނެތެވެ.

5. މިއަށްފަހު، 18 ޖޫން 2018 ގައި އެމްސީބީގެ ފަރާތުން ޢަލީ ޒާހިރުއަށް ބުނެވުނު ފައިސާ ދެއްކުމަށް 10 (ދިހައެއް) ދުވަހުގެ މުއްދަތެއްދީ ޑިމާންޑް ލެޓަރއެއް ފޮނުވާފާއިވެއެވެ.7 އެމްސީބީގެ ފަރާތުން މި ސިޓީ ފޮނުވުމުން، ޢަލީ ޒާހިރުގެ އެކައުންޓުގައި ފައިސާ ނެތީސް، އެ ފައިސާ އެމްސީބީގެ ފަރާތުން ދޫކޮށްފައިވަނީ، ޤާނޫނު ނަންބަރު 95/16 (ފައިސާއަށް ބަދަލުކުރެވޭ ގޮތުގައި ގެންގުޅޭ ލިޔުމާބެހޭ ޤާނޫނު) ގެ 30 ވަނަ މާއްދާއާ ޚިލާފަށް ބޭންކުގެ އިހުމާލުން ކަމުގައި ބުނެ، އެ ފައިސާ ދެއްކުމަށް ބޭންކުގެ ފަރާތުން ޢަލީ ޒާހިރަށް 10 (ދިހައެއް) ދުވަހުގެ މުއްދަތެއްދީ ފޮނުވަފައިވާ ސިޓީއަކީ ބާޠިލް ސިޓީއެއް ކަމުގައި ކަނޑައަޅައި ދިނުމަށާއި، އެ ނޯޓިހުގެ ދަށުން ޢަލީ ޒާހިރު އެއްވެސް ޒިންމާއެއް އުފުލަން ނުޖެހޭނެ ކަމަށް ކަނޑައަޅައިދިނުމަށް އެދި ޢަލީ ޒާހިރުގެ ފަރާތުން ސިވިލް ކޯޓުގައި އެމްސީބީގެ މައްޗަށް ރައްދުވާ ގޮތަށް ދަޢުވާކުރިއެވެ.

ސިވިލް ކޯޓުގެ ނަންބަރު 457/Cv-C/2019 ޤަޟިއްޔާ

6. ބުނެވުނު މައްސަލަ ސިވިލް ކޯޓުގެ ނަންބަރު 457/Cv-C/2019 ޤަޟިއްޔާއިން ބަލައި އެ ކޯޓުން ޙުކުމްކޮށްފައިވަނީ، ޢަލީ ޒާހިރުގެ އެކައުންޓުގައި ފައިސާ ނެތި، އެ ފައިސާ އެމްސީބީގެ ފަރާތުން ދޫކޮށްފައިވާކަން ޝަރީޢަތަށް ހުށަހެޅިފައިވާ މުސްތަނަދުތަކުންނާއި ދެ ފަރާތުގެ ބަހުން އެނގެން އޮންނާތީ، އެ ފައިސާ އަނބުރާ ހޯދުމަށް އަޅަންޖެހޭ ފިޔަވަޅެއް އެޅުމުގެ ބާރު އެމްސީބީއަށް ލިބިގެންނުވާކަމަށް ކަނޑައަޅާނެ ޝަރުޢީ އަދި ޤާނޫނީ އަސާސެއް ނެތަތީ، އެމްސީބީގެ ފަރާތުން ޢަލީ ޒާހިރަށް ފޮނުވާފައިވާ ސިޓީ ބާޠިލު ކުރަންޖެހޭ ސަބަބެއް ނެތް ކަމަށެވެ.

7. ސިވިލް ކޯޓުން މިފަދައިން ޙުކުމް ކޮށްފައިވަނީ އަންނަނިވި ކަންކަމުގެ މައްޗަށް ބިނާކޮށްކަން އެ ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށް ބެލުމުން އެނގެން އޮވެއެވެ.

7.1. ޢަލީ ޒާހިރުގެ އެކައުންޓުން ފައިސާ ނެގުމަށް ބޭންކަށް ހުށަހެޅި ޗެކަށް ފައިސާ ދޫކޮށްފައިވަނީ ޢަލީ ޒާހިރުގެ އެކައުންޓުގައި އެ ޢަދަދަށް ފައިސާނެތިކަން ބޭންކުގެ ބަހުންވެސް އެނގެން އޮންނަކަމާއި، އެ ފައިސާ ދޫކޮށްފައިވަނީ ޢަލީ ޒާހިރު އެދުނު ފަރާތައްކަން ހުށަހެޅިފައިވާ މުސްތަނަދުތަކުންނާއި ދެ ފަރާތުގެ ބަހުން އެނގޭކަން.

7.2. ބޭންކުން ދޫކުރި ފައިސާ އަނބުރާ ބޭންކަށް ހޯދުމުގައި ޒިންމާވާންޖެހޭނެ ފަރާތެއް ކަނޑައެޅުމަކީ މި މައްސަލައިގެ މައުޟޫޢުގައި ހިމެނޭ ކަމެއް ނޫންކަން.

7.3. މި މައްސަލައިގައި ހިމެނޭ ފައިސާއަކީ ޢަލީ ޒާހިރު ދޫކުރި ޗެކަކަށް ބޭންކުން ދޫކޮށްފައިވާ ފައިސާއެއް ކަމުގައިވާތީ، ބޭންކުގެ ފަރާތުން ޢަލީ ޒާހިރުއަށް ފޮނުވާފައިވާ ސިޓީ ބާޠިލްކުރުމަކީ އެ ފައިސާ އަނބުރާ ހޯދުމަށް ބޭންކަށް ލިބިފައިވާ ޙައްޤަކަށް ހުރަސްއެޅޭ ފަދަ ކަމެއްކަމުގައިވާތީ، އެ ސިޓީއަކީ ޢަމަލުކުރަން ނުޖެހޭނެ ސިޓީއެއް ކަމަށް ކަނޑައަޅާނެ ޝަރުޢީ އަދި ޤާނޫނީ ސަބަބެއް ނެތްކަން.

އިސްތިއުނާފު ކުރެވޭ މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައިވާ ގޮތް

8. ސިވިލް ކޯޓުގެ ނަންބަރު 457/Cv-C/2019 ޤަޟިއްޔާ ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުސޫލުތަކާ ޚިލާފަށް ކަމަށް ބުނެ އެ ނިންމުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރުމަށް އެދި ޢަލީ ޒާހިރުގެ ފަރާތުން ހުށަހެޅުމުން، އެ ކޯޓުގެ ނަންބަރު 2019/HC-A/565 ޤަޟިއްޔާއިން އެ މައްސަލަ ބެލި ފަނޑިޔާރުންގެ އަޣްލަބިއްޔަތުން ނިންމާފައިވަނީ ސިވިލް ކޯޓުގެ ޙުކުމަށް ތާއިދުކޮށެވެ.

9. ހައިކޯޓުގެ ޙުކުމް ބިނާކޮށްފައިވަނީ އަންނަނިވި ކަންކަމުގެ މައްޗަށްކަން އެ ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށް ބެލުމުން އެނގެން އޮވެއެވެ.

9.1. ފައިސާއަށް ބަދަލުކުރެވޭ ގޮތުގައި ގެންގުޅޭ ލިޔުމާބެހޭ ޤާނޫނުގެ 30 ވަނަ މާއްދާއިން އެނގެނީ ޗެކުގައިވާ ވަރަށް ފައިސާ އެކައުންޓުގައި ނެތް ނަމަ، ޗެކު ދޫކުރި ފަރާތުން، ޗެކުގައިވާ މިންވަރަށް ފައިސާ ދޫކުރުމަށް ބޭންކުގެ މައްޗަށް ކުރި ޢަމުރަށް ތަބަޢަވުން ލާޒިމު ނޫންކަމަށް ނަމަވެސް، އެ ޗެކަށް ފައިސާ ދޫކޮށްގެން ނުވާނެ ކަމަށް ބަޔާންކޮށްފައިނުވާކަން.

9.2. އެކައުންޓުގައި ފައިސާ ނުހުންނަ ހާލަތުގައިވެސް ޗެކަށް ފައިސާ ދޫކުރުމަކީ ފައިސާއަށް ބަދަލުކުރެވޭ ގޮތުގައި ގެންގުޅޭ ލިޔުމާބެހޭ ޤާނޫނުގެ 29 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ހާލަތެއް މެދުވެރިވެފައި ނެތްނަމަ، ބޭންކުގެ މައްޗަށް މަނާކުރެވިފައިވާ ކަމެއް ނޫންކަމުން، ޗެކަށް ފައިސާ ދޫކުރުމަށް ބޭންކަށް ކޮށްފައިވާ އަމުރާއި، ފައިސާ ދޫކުރުމަށް ބޭންކަށް ލިބިފައިވާ ބާރު ނެތިގެންދާ ހާލަތެއް މި މައްސަލައިގައި މެދުވެރިވެފައިނުވާކަން.

9.3. މި މައްސަލައިގައި ދޫކޮށްފައިވާ ޗެކަކީ ޢަލީ ޒާހިރު ދޫކޮށްފައިވާ ޗެކެއް ކަމާއި، ޗެކުގެ ޞައްޙަ ކަމާމެދު ސުވާލު އުފެދިފައި ނެތުމުންނާއި އެ ފައިސާއަކީ ޢަލީ ޒާހިރު ދައްކަންޖެހޭ ފައިސާއެއް ކަމަށް ޤަބޫލުކޮށް އެ ފަރާތުން ސިޓީ ފޮނުވާފައިވާކަން އެނގެން އޮތުމުން، މި ފައިސާ އަނބުރާ ހޯދުމުގެ ގޮތުން ފިޔަވަޅު އެޅުމުގެ ޙައްޤު ބޭންކަށް ލިބިގެންވާކަން.

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައިވާ ނުކުތާތަކާއި އޭގެ ރައްދު

10. ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2019/HC-A/565 ޤަޟިއްޔާގެ ނިންމުން ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުސޫލަތަކާ ޚިލާފަށް ކަމަށް ބުނެ ޢަލީގެ ޒާހިރުގެ ފަރާތުން އަންނަނިވި ސަބަބުތައް ހުށަހަޅާފައިވެއެވެ.

10.1. ޗެކެއްގައިވާ ޢަދަދަށް އެކައުންޓުގައި ފައިސާ ނެތުމަކީ ޗެކަށް ފައިސާ ދިނުމަށް ބޭންކަށް ލާޒިމުނުވާ ހާލަތެއްކަން ފައިސާއަށް ބަދަލުކުރެވޭ ގޮތުގައި ގެންގުޅޭ ލިޔުމާބެހޭ ޤާނޫނުގެ 30 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައި އޮތް ނަމަވެސް، ހައިކޯޓުން އެ މާއްދާ މާނަކޮށްފައިވަނީ އެ ޤާނޫނުގެ 21 ވަނަ މާއްދާގައި ކަނޑައަޅާފައިވާ އާންމު އުސޫލަށް އޮތް އިސްތިސްނާ ހާލަތަށް ރިޢާޔަތްކުރުމެއް ނެތި، ޤާނޫނުގެ މާއްދާތައް މާނަކުރުމާ ގުޅޭގޮތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ދައުލަތް (މިނިސްޓްރީ އޮފް ޓުއަރިޒަމް) ވ. އަތަމާ މެރިން އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑް [2021] SC 798 މައްސަލައިގައި ކަނޑައަޅާފައިވާ އުސޫލާއި ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ) އާ ޚިލާފަށް ކަމަށް ބުނެ ހުށަހެޅި ސަބަބު.

10.2. އޯވަރޑްރޯކުރެވޭނީ ދުރަލާ ވެވޭ އެއްބަސްވުމެއް އޮވެގެން ކަމުގައިވާއިރު، ކަސްޓަމަރުގެ އެކައުންޓުގައި ފައިސާ ހުރިކަމަށް ދެކިގެން ދޫކުރާ ޗެކެއްގައި ބުނާ އަދަދަށް އެކައުންޓުގައި ފައިސާ ނުހުންނަ ހާލަތުގައި، ކަސްޓަމަރުގެ އިރުޝާދަކަށް އެހުމެއް ނެތި، ފައިސާ ދޫކޮށްފިނަމަ އޯވަރޑްރާފްޓް ކުރުމުގެ އެއްބަސްވުމެއް ވުޖޫދުވާނެ ކަމަށް ހައިކޯޓުން ނިންމާފައިވަނީ ބޭންކުގެ އޯވަރޑްރާފްޓާ ގުޅިގެން އަމަލުކުރަމުންދާ އުސޫލުތަކާއި ބޭންކާއި ކަސްޓަމަރާއި ދެމެދު ވެފައިވާ އެއްބަސްވުމާ ޚިލާފަށް ކަމަށް ބުނެ ހުށަހެޅި ސަބަބު.

10.3. އެކައުންޓުގައި ފައިސާ ނުހުންނަ ހާލަތަކީ ޗެކަކީ ތަބާވާންޖެހޭ އަމުރެއް ކަމުގައިވުމުގެ ހައިސިއްޔަތު ގެއްލިދާ ހާލަތެއް ކަމަށްވާއިރު، ކަސްޓަމަރު ޒިންމާއެއް އުފުލަންޖެހޭފަދަ މުޢާމަލާތެއް ހިންގާނަމަ އެ ކަސްޓަމަރުގެ ރުހުން ހޯދަންޖެހޭކަމާއި، ކަސްޓަމަރުގެ ރުހުމާނުލައި އެ ފައިސާ ދޫކޮށް، އެކަމަށް ކަސްޓަމަރު ޒިންމާކުރުވިދާނޭ ކަމަށް ހައިކޯޓުން ނިންމާފައިވަނީ ޤާނޫނު ނަންބަރު 91/4 (ކޮންޓްރެކްޓާ ބެހޭ ޤާނޫނު) ގެ 12 އަދި 13 ވަނަ މާއްދާއާ ޚިލާފަށް ކަމަށް ބުނެ ހުށަހެޅި ސަބަބު.

10.4. މަދަނީ މައްސަލަތަކުގައި ގޮތް ކަނޑައަޅަންޖެހެނީ އެދިފައިވާ ކަންކަން ސާބިތުވާކަން ނުވަތަ ނޫންކަމުގެ މައްޗަށް ކަމަށްވާއިރު، މި މައްސަލައިގައި ޢަލީ ޒާހިރުގެ ފަރާތުން މި ފައިސާ ދެއްކުމަށް ޒިންމާވާންޖެހޭ ކަމަށްވެސް އަދި ނުޖެހޭ ކަމަށްވެސް ދަށުކޯޓުން ކަނޑައަޅާފައި ނުވާކަމަށް ބުނެ ހުށަހެޅި ސަބަބު.

10.5. 03 މާރިޗު 2016 ގައި ޢަލީ ޒާހިރުގެ ފަރާތުން ބޭންކަށް ފޮނުވާފައިވާ ސިޓީން، ބޭންކުން ދޫކޮށްފައިވާ ފައިސާ ލޯނެއްގެ ގޮތުގައި ދެއްކުމަށް ޢަލީ ޒާހިރު ޤަބޫލުކޮށްފައިވާ ކަމަށް ބަލައި، އެ ފައިސާއާ ގުޅޭ ތަޢާޤުދީ މަސްޢޫލިއްޔަތު ޢަލީ ޒާހިރު އުފުލަންޖެހޭ ގޮތަށް މައްސަލަ ނިންމާފައިވަނީ، އެ ސިޓީގައި ބަޔާންކުރާ ކަންކަމުން ކޮންޓްރެކްޓާބެހޭ ޤާނޫނުން ލާޒިމްކުރާ ފަދަ އެއްބަސްވުމެއްގެ އަސާސީ ޝަރުޠުތައް ކަމަށްވާ ހުށަހެޅުމާއި ޤަބޫލުކުރުން ފުރިހަމަވެފައިވާކަން ބެލުމެއް ނެތިކަމުގައިވާތީ، އެ ނިންމުމަކީ ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 5، 6، އަދި 8 ވަނަ މާއްދާއާ ޚިލާފު ނިންމުމެއް ކަމަށް ބުނެ ހުށަހެޅި ސަބަބު.

11. ޢަލީ ޒާހިރުގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކަށް ރައްދު ދިނުމުގެ ގޮތުން އެމްސީބީގެ ފަރާތުން އަންނަނިވި ނުކުތާތައް ފާހަގަކޮށްފައިވެއެވެ.

11.1. ފައިސާއަށް ބަދަލުކުރެވޭ ގޮތުގައި ގެންގުޅޭ ލިޔުމާބެހޭ ޤާނޫނުގެ 30 ވަނަ މާއްދާގެ (ނ) ގައި ބަޔާންކުރަނީ، އެކައުންޓުގައި ޗެކުގައިވާ މިންވަރަށް ފައިސާ ނެތް ނަމަ އެ ޗެކަކަށް ފައިސާ ދިނުމަށް ލާޒިމުނުވާނެ ކަމަށް ކަމުގައިވާއިރު، ޤާނޫނު ނަންބަރު 2011/4 (މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނު) ގެ 37 ވަނަ މާއްދާގެ (ހ) އަށް

މި މައްސަލައަށް ތަޠުބީޤުކުރާއިރު، ފައިސާއަށް ބަދަލުކުރެވޭ ގޮތުގައި ގެންގުޅޭ ލިޔުމާބެހޭ ޤާނޫނުގެ 30 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދައިން، ޗެކުގައިވާ ޢަދަދަށް ފައިސާ ނެތް ހާލަތެއްގައިވެސް، ޗެކަށް ފައިސާ ދޫކުރުމާއި ނުކުރުމަކީ ބޭންކަށް އިޚްތިޔާރު ލިބިގެންވާ ހުއްދަ ކަމެއްކަން.

11.2. އިސްތިއުނާފީ ދެވަނަ ނުކުތާގެ ރައްދުގައި ބޭންކުން ބުނެފައިވަނީ އިސްތިއުނާފު ކުރާ ފަރާތާއި ބޭންކާ ދެމެދު ދުރާލާ authorized overdraft މުޢާމަލާތެއް ކުރުމަށް އެއްބަސްވެފައި ނުވިނަމަވެސް، ކަރަންޓު އެކައުންޓުގައި ފައިސާ ނެތް ހާލަތުގައި އެ އެކައުންޓަށް އޯވަރޑްރާފްޓް ކުރުމުގެ މުޠުލަޤު ބާރު ބޭންކަށް ލިބިގެންވާ ކަމުގައި ބޭންކުގެ Current Account in Maldivian Rufiyaa Rules and Regulations ގެ 42 ވަނަ މާއްދާގައި ޞަރީޙަކޮށް ބަޔާންވެފައި އޮތް އޮތުމަށް އިސްތިއުނާފު ކުރާ ފަރާތުން އެއްބަސްވެފައިވާކަން.

11.3. އިސްތިއުނާފީ ތިންވަނަ ނުކުތާގެ ރައްދުގައި އެމްސީބީގެ ފަރާތުން ބުނެފައިވަނީ އެ ނުކުތާއަކީ ސިވިލް ކޯޓަށް ހުށަހަޅާފައި ނުވާ އައު ނުކުތާއެއް ކަމުގައިވާތީ އާއި އެ ނުކުތާއަކީ ހައިކޯޓަށް ހުށަހެޅި ދެ ހަސްމުންގެ މެދުގައި ބަހުސްކުރުމުގެ ފުރުޞަތު ލިބިފައިނުވާ ޤާނޫނީ ނުކުތާއެއް ކަމުން، ސުޕްރީމް ކޯޓުގެ ގަވާއިދު 2020 ގެ 103 ވަނަ މާއްދާގެ (ށ) ގެ ދަށުން އެ ނުކުތާއަކީ ސުޕްރީމް ކޯޓަށް ބަލައިގަނެވޭނެ ނުކުތާއެއް ނޫންކަމަށް ކަނޑައަޅައި ދިނުމަށެވެ. އަދި މި ނުކުތާއަކީ ބަލައިގަނެވޭނެ ނުކުތާއެއް ކަމަށް ބެލިނަމަވެސް، ބޭންކުން ޢަމަލުކޮށްފައިވަނީ Current Account in Maldivian Rufiyaa Rules and Regulations އާ އެއްގޮތަށް ކަމަށާއި، އިސްތިއުނާފު ކުރާ ފަރާތުންވަނީ އެ ފަރާތުން 03 މާރިޗު 2016 ގައި ފޮނުވާފައިވާ ސިޓީން އެ ފައިސާ ދެއްކުމަށް އެއްބަސްވެފައި ކަމަށެވެ.

11.4. އިސްތިއުނާފީ ހަތަރުވަނަ ނުކުތާގެ ރައްދުގައި ބޭންކުގެ ފަރާތުން ބުނެފައިވަނީ އިސްތިއުނާފު ކުރާ ފަރާތުން 18 ޖޫން 2018 ގައި ފޮނުވާފައިވާ ސިޓީއަށް ޢަމަލުކުރަން ނުޖެހޭ ސަބަބެއް ނެތް ކަމަށް ސިވިލް ކޯޓުން ކަނޑައަޅާފައިވާ އޮތް އޮތުމުން އެ ސިޓީގެ ޞައްޙަކަން ކަށަވަރު ވެގެންދާ ކަމަށާއި، އެ ސިޓީއަކީ ބާޠިލް ސިޓީއެއް ނޫންކަމަށް ކަނޑައެޅުމުގެ ނަތީޖާއަކީ އެ ސިޓީއާ އެއްގޮތަށް ޢަމަލުކުރުން ލާޒިމްވެގެން ދިއުންކަމަށެވެ.

11.5. އިސްތިއުނާފީ ފަސްވަނަ ނުކުތާގެ ރައްދުގައި ބޭންކުގެ ފަރާތުން ބުނެފައިވަނީ ހައިކޯޓުގެ ނިންމުމުގައިވާ ގޮތުން، މި މައްސަލައިގައި ބަޔާންކުރެވިފައިވާ ޗެކުގެ ޞައްހަ ކަމާމެދު ސުވާލު އުފެދިފައި ނެތުމުންނާއި، އެ ޗެކަށް ފައިސާ ދިނުމަށް އިސްތިއުނާފު ރައްދުވާ ފަރާތަށް ކޮށްފައިވާ އަމުރާއި ފައިސާ ދޫކުރުމަށް އިސްތިއުނާފު ރައްދުވާ ފަރާތަށް ލިބިފައިވާ ބާރު ނެތިދާފަދަ ހާލަތެއް މެދުވެރިވެފައި ނެތުމުންނާއި، އެ ޗެކުގައިވާ ފައިސާ އިސްތިއުނާފު ރައްދުވާ ފަރާތުން ދޫކޮށްފައިވުމުން، އަދި އެ ފައިސާއަކީ ދައްކަންޖެހޭ ފައިސާއެއް ކަމަށް އިސްތިއުނާފުކުރާ ފަރާތުން ޤަބޫލުވެސް ކޮށްފައިވާކަން އެނގެން އޮތުމުން، އެ ފައިސާ ހޯދުމުގެ ޙައްޤު ބޭންކަން ގެއްލިގެން ނުދާކަމަށެވެ. އަދި 03 މާރިޗު 2016 ގެ ސިޓީން އެއްބަސްވުމެއް ވުޖޫދުވެފައިވާ ކަމަށް ހައިކޯޓުން ބަލާފައިނުވާއިރު، އިސްތިއުނާފު ރައްދުވާ ފަރާތުން ދޫކޮށްފައިވާ ފައިސާ ލޯނެއްގެ ގޮތުގައި ދެއްކުމަށް އިސްތިއުނާފު ކުރާ ފަރާތުން ޤަބޫލުކޮށްފައިވާ ކަމަށް ބަލައި، ޗެކަށް ދޫކޮށްފައިވާ ފައިސާއާ ގުޅޭ ތަޢާގުދީ މަސްއޫލިއްޔަތު އުފުލަންޖެހޭ ގޮތަށް މައްސަލަ ނިންމުމުގައި ކޮންޓްރެކްޓާބެހޭ ޤާނޫނުން ލާޒިމުކުރާފަދަ އެއްބަސްވުމެއްގެ އަސާސީ ޝަރުޠުތައް އެ ސިޓީގައި ފުރިހަމަވެފައިވާކަން ހައިކޯޓުން ބަލާފައިނުވަނީ ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 5، 6 އަދި 8 ވަނަ މާއްދާއާ ޚިލާފަށް ކަމަށްބުނެ އިސްތިއުނާފު ކުރާ ފަރާތުން ހުށަހަޅާފައިވާ ކަންކަމުގައި އެއްވެސް އަސާސެއް ނެތް ކަމަށެވެ.

ސުޕްރީމް ކޯޓުން ގޮތް ކަނޑައަޅަންޖެހޭ ނުކުތާ

12. މި މައްސަލައާ ގުޅިގެން ސުޕްރީމް ކޯޓުން ގޮތް ކަނޑައަޅަންޖެހޭ މައިގަނޑު ނުކުތާއަކީ، ޢަލީ ޒާހިރުގެ އެކައުންޓުގައި ފައިސާ ނެތްހިނދު، ޢަލީ ޒާހިރުގެ ފަރާތުން ދޫކުރި ޗެކަށް އެމްސީބީއިން ފައިސާ ދޫކޮށްފައިވަނީ، ހައިކޯޓުގެ ނިންމުމުގައި ބަޔާންކޮށްފައިވާ ސަބަބުތަކުގެ ޢަލީގައި، ރަނގަޅަށްކަން ނުވަތަ ނޫންކަމެވެ.

ޗެކަށް ފައިސާ ދޫކުރުމާ ގުޅޭ ގޮތުން ޤާނޫނުގައި ބަޔާންކޮށްފައިވާ ކަންކަން

13. ޢަލީ ޒާހިރުގެ ފަރާތުން ދޫކުރި ޗެކަށް އެމްސީބީއިން ފައިސާ ދޫކޮށްފައިވަނީ ރަނގަޅަށްކަން ނުވަތަ ނޫންކަމުގެ މައްޗަށް އެއްޗެއް ބުނުމުގެ ކުރިން، ޤާނޫނުގައި ޗެކަށް ފައިސާ ދޫކުރުމާމެދު ބަޔާންކޮށްފައިވާ ކަންކަމުގެ މައްޗަށް ބަލާލުން މުހިންމުކަމުގައި ފެންނާތީ، މި މައްސަލައިގައި އޭގެ މައްޗަށް ބަހުސްކޮށްފައިވާ ޤާނޫނުގެ މަސްދަރުތަކަށް އަލިއަޅުވާލާނަމެވެ.

14. "ޗެކު" ގެ ތައުރީފު ބަޔާންކޮށްފައިވަނީ ޤާނޫނު ނަންބަރު 95/16 (ފައިސާއަށް ބަދަލު ކުރެވޭ ގޮތުގައި ގެންގުޅޭ ލިޔުމާބެހޭ ޤާނޫނު) ގެ 21 ވަނަ މާއްދާގައެވެ. އެ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުން، ޗެކަކީ "ދޫކުރާ މީހާގެ ފަރާތުން ލިޔެ ސޮއިކޮށް، އޭގައި ބަޔާން ކުރެވިފައިވާ މީހަކަށް، ނުވަތަ އޭނާގެ އަމުރަށް، ނުވަތަ އެ ހިފައިގެންދާ މީހާއަށް، އެ ހިފައިގެން ދިއުމުން، ޝަރުޠަކާނުލައި އޭގައި ކަނޑައެޅިގެންވާ އަދަދެއްގެ ފައިސާ ދިނުމަށް، ބޭންކު ވިޔަފާރިކުރާ ފަރާތަކަށް ލިޔުމަކުން ކުރެވޭ އަމުރެކެވެ."

15. ބޭންކެއްގައި ފައިސާ ބަހައްޓާފައިވާ މީހެއްގެ ފަރާތުން އެ ބޭންކަކުން ފައިސާ ނެގުމަށް ލިޔާ ޗެކަކަށް ފައިސާ ދޫކުރުމަށް އެ މީހަކު ބޭންކުގެ މައްޗަށް ކުރާ އަމުރެއްގެ ބާރު ނެތިދާނީ (ހ) ޗެކު ލިޔުނުމީހާ އެ ޗެކަށް ފައިސާނުދޭން ބޭންކަށް އެންގުމުން؛ ނުވަތަ (ށ) ޗެކު ލިޔުނުމީހާ މަރުވެއްޖެކަން ބޭންކަށް އެނގުމުން؛ ނުވަތަ (ނ) ޤާނޫނީ ނުވަތަ ޝަރުއީ އަމުރަކުން ކަމުގައި ފައިސާއަށް ބަދަލުކުރެވޭ ގޮތުގައި ގެންގުޅޭ ލިޔުމާބެހޭ ޤާނޫނުގެ 29 ވަނަ މާއްދާގައި ބަޔާންކޮށްފައި ވެއެވެ.

16. މީހެއްގެ ފަރާތުން އެ ބޭންކަކުން ފައިސާ ނެގުމަށް ލިޔާ ޗެކަކަށް ފައިސާ ދޫކުރުމަށް އެ މީހަކު ބޭންކުގެ މައްޗަށް ކުރާ އަމުރަށް ބޭންކުން ތަބައަވުން ލާޒިމު ނުވާ ހާލަތްތަކެއް ފައިސާއަށް ބަދަލުކުރެވޭ ގޮތުގައި ގެންގުޅޭ ލިޔުމާބެހޭ ޤާނޫނުގެ 30 ވަނަ މާއްދާގައި ބަޔާންކޮށްފައިވެއެވެ. އެ ހާލަތްތަކަކީ:

(ހ) ޕޯސްޓްޑޭޓެޑް ޗެކެއް ބޭންކަށް ހުށަހެޅުނުއިރު އެ ޗެކުގައިވާ ތާރީހު އައިސްފައިނުވުން؛

(ށ) ޗެކު ދުވަސް ހަމަވެފައިވުން؛

(ނ) އެކައުންޓުގައި ޗެކުގައިވާ ވަރަށް ފައިސާ ނެތުން؛

(ރ) ޗެކު ހަލާކުވެފައިވުން؛

(ބ) ޗެކު ދޫކުރި ފަރާތް ބަނގުރޫޓުވެފައިވުން؛

(ޅ) ޗެކު ދޫކުރި ފަރާތުގެ އެކައުންޓް ކޯޓުގެ އަމުރެއްގެ ދަށަށް ގޮސްފައިވުން؛

(ކ) ޗެކުދޫކުރި ފަރާތުގެ ސޮއިކަމަށް ބޭންކަށް އެނގިފައި އޮންނަ ސޮޔާއި ޗެކުގައިވާ ސޮއި ނުވައްތަރުވުން؛ ނުވަތަ

(އ) ޗެކުގެ ސައްހަކަމާމެދު ޝައްކު އުފެދުން؛ މިއެވެ.

ކަންހިނގާފައިވާ ގޮތަށް ޤާނޫނު ތަޠުބީޤުކުރުން

17. ސިވިލް ކޯޓުގެ ނިންމުން ޢަލީ ޒާހިރުގެ ފަރާތުން ހައިކޯޓަށް އިސްތިއުނާފު ކުރިއިރު، އެމްސީބީއިން ޢަލީ ޒާހިރުގެ އެކައުންޓުގައި ފައިސާ ނެތްކަން އެނގިހުރެ، ޗެކުގައިވާ އަދަދަށް ފައިސާ ދޫކޮށްފައިވަނީ ފައިސާއަށް ބަދަލުކުރެވޭ ގޮތުގައި ގެންގުޅޭ ލިޔުމާބެހޭ ޤާނޫނުގެ 30 ވަނަ މާއްދާއާއި ޚިލާފަށް އަދި ޗެކަށް ފައިސާ ދޫކުރުމުގައި ބޭންކުތަކުން އާންމުކޮށް އަމަލުކުރާ އުސޫލާ ޚިލާފަށްކަމަށް ބުނެ، ޢަލީ ޒާހިރުގެ ފަރާތުން އިސްތިއުނާފީ ނުކުތާއެއް ހުށަހަޅާފައިވެއެވެ.9

18. ޢަލީ ޒާހިރު ބަޔާންކޮށްފައިވާ ގޮތުން، ހައިކޯޓުން ފައިސާއަށް ބަދަލުކުރެވޭ ގޮތުގައި ގެންގުޅޭ ލިޔުމާބެހޭ ޤާނޫނުގެ 30 ވަނަ މާއްދާ މާނަކޮށްފައިވަނީ ބޭންކަށް ލިބިދޭ އިޚްތިޔާރެއްގެ ގޮތުގައި ކަމަށާއި، ޤާނޫނު މާނަކުރަންޖެހެނީ ސުޕްރީމް ކޯޓުގެ ދައުލަތް (މިނިސްޓްރީ އޮފް ޓޫރިޒަމް) ވ. އަތަމާ މެރިން އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑް [2021] SC 7910 ގައި ބަޔާންކޮށްފައިވާ ފަދައިން އެއް ރޮއްޖަކުން ކަމުގައިވާއިރު، ހައިކޯޓުން އެ މާއްދާ މާނަކޮށްފައިވަނީ އެފަދައިން ނޫންކަމުގައެވެ.އެހެނީ، ފައިސާއަށް ބަދަލުކުރެވޭ ގޮތުގައި ގެންގުޅޭ ލިޔުމާބެހޭ ޤާނޫނުގެ 21 ވަނަ މާއްދާއިން ޗެކުގެ ތަޢުރީފެއްދީ، އެއީ ބޭންކުން އެ މައްޗަށް ޢަމަލުކުރުމަށް ކުރެވޭ އަމުރެއް ކަމުގައި ބަޔާންކޮށްފައިވާ ނަމަވެސް، އެއީ އާންމު އުސޫލު ކަމަށާއި، އެ ޤާނޫނުގެ 29 އަދި 30 ވަނަ މާއްދާގައި އެ އުސޫލަށް އިސްތިސްނާ ހިމަނާފައިވާތީ ކަމަށް ޢަލީ ޒާހިރު ބުނެއެވެ. އަދި ފައިސާއަށް ބަދަލުކުރެވޭ ގޮތުގައި ގެންގުޅޭ ލިޔުމާބެހޭ ޤާނޫނުގެ 30 ވަނަ މާއްދާގެ (ނ) ގައި ޗެކުގައި ބަޔާންކޮށްފައިވާ މިންވަރަށް އެކައުންޓުގައި ފައިސާ ނެތްނަމަ، އެއީ ބޭންކުން ތަބާވުން ލާޒިމު އަމުރެއް ނޫންކަމުގައި ބަޔާންކޮށް ބޭންކަށް ދީފައިވާ އިޚްތިޔާރަކީ އެކައުންޓުގައި އެކަށީގެންވާ މިންވަރަށް ފައިސާ ނެތްނަމަ، ޤާނޫނުގެ 21 ވަނަ މާއްދާއިން ކޮށްފައިވާ އަމުރަށް ތަބާނުވުމަށް ބޭންކަށް ދީފައިވާ އިޚްތިޔާރެއް ކަމަށެވެ. އަދި ފައިސާއަށް ބަދަލުކުރެވޭ ގޮތުގައި ގެންގުޅޭ ލިޔުމާބެހޭ ޤާނޫނުގެ 39 ވަނަ މާއްދާއިން މި މާނަކުރުމަށް ބާރުލިބޭ ކަމުގައިވެސް ޢަލީ ޒާހިރުގެ ފަރާތުން ބުނެއެވެ.

19. ޢަލީ ޒާހިރުގެ ފަރާތުން ހުށަހަޅާފައިވާ މި ނުކުތާގައި ހަވާލާދީފައިވަނީ ހައިކޯޓުގެ ނިންމުމުގެ

20 ވަނަ ޕެރެގްރާފަށެވެ. އެހެން ނަމަވެސް، ހައިކޯޓުގެ ނިންމުމަށް ބެލުމުން، އެމްސީބީއިން އެ ކޯޓަށް ހުށަހެޅި އިސްތިއުނާފާމެދު ހައިކޯޓުން ގޮތް ކަނޑައަޅާފައިވަނީ އަޣްލަބިއްޔަތުން ކަމުގައާއި، އެ ކޯޓުގެ ނިންމުމަށް ވާސިލުވުމުގައި މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ރައުޔު ތަފާތުކަން ފާހަގަވެއެވެ. އެހެންކަމުން، އަޣްލަބިއްޔަތު ރައުޔު ނެރުއްވި ފަނޑިޔާރުން މި ނުކުތާއާ ގުޅިގެން ފާހަގަކުރައްވާފައިވާ ކަންކަމަށް ބަލާލުން މުހިންމެވެ.

19.1. ފަނޑިޔާރު ޝުޢައިބް ޙުސައިން ޒަކަރިއްޔާ ފާހަގަކުރައްވާފައިވަނީ އަންނަނިވި ނުކުތާތަކެވެ.

(ހ) ފައިސާއަށް ބަދަލުކުރެވޭ ގޮތުގައި ގެންގުޅޭ ލިޔުމާބެހޭ ޤާނޫނުގެ 30 ވަނަ މާއްދާއަށް ބެލުމުން، ޗެކު ދޫކުރި ފަރާތުގެ އެކައުންޓުގައި ފައިސާ ނެތްނަމަ، އެ މާއްދާގައިވާ ގޮތުން، ބޭންކުގެ މައްޗަށް ޗެކަށް ފައިސާ ދޫކުރުން ލާޒިމުނޫން ނަމަވެސް، އެ މާއްދާގައި ފައިސާ ދޫކޮށްގެން ނުވާނެކަމަށް ބަޔާންކޮށްފައި ނުވާކަން؛11

(ށ) ޗެކަކީ ފައިސާ ދޫކުރުމަށް ބޭންކުގެ މައްޗަށް ކުރާ އަމުރެއްކަމުން، އެކައުންޓުގައި ޗެކުގައިވާ މިންވަރަށް ފައިސާ ނެތްނަމަ ކުރިމަތިވަނީ އޯވަރޑްރާފްޓް (overdraft) ހާލަތެއްކަމަށާއި، އެފަދަ ހާލަތެއްގައި ބޭންކަށް ޗެކަށް ފައިސާދޫނުކޮށް ޗެކު ބައުންސް ކުރުމުގެ ނުވަތަ ޗެކަށް ފައިސާ ދޫކޮށް އެފައިސާ ހޯދުމުގެ މަސައްކަތް ކުރެވިދާނެކަން؛12

(ނ) އެކައުންޓުގައި ފައިސާ ނެތި ޗެކެއް ދޫކޮށްފިނަމަ އާންމު އުސޫލުން އެ ޗެކެއް ރިޓަރން ކުރަނީ ކަމަށް އެމްސީބީއިން ބުނެފައިވާ ހިނދު، ޗެކަކަށް ފައިސާ ދޫކުރުމަށް ބޭންކުގެ މައްޗަށް ކުރާ އަމުރެއްގެ ބާރު ފައިސާއަށް ބަދަލުކުރެވޭ ގޮތުގައި ގެންގުޅޭ ލިޔުމާބެހޭ ޤާނޫނުގެ 29 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދަ ހާލަތެއް މެދުވެރިވެގެން ނެތި ނުދާނަމަ، އެއީ ބޭންކުން އާންމުކޮށް އަމަލުކުރާ އުސޫލު ކަމުގައި ނުވާތީ، ހަމައެކަނި އެ ސަބަބުގެ މައްޗަށް ބިނާކޮށް (އެކައުންޓުގައި ފައިސާ ނެތީސް ޗެކެއްގެ މައްޗަށް ބިނާކޮށް ބޭންކުން ފައިސާ ދޫކުރާ ހާލަތުގައި) އެ ފައިސާ ބޭންކަށް ހޯދުމަށް ފިޔަވަޅު އެޅުމަށް މަނާވާ ސަބަބެއް ނޫންކަން؛13

(ރ) މި މައްސަލައިގައި، ފައިސާއަށް ބަދަލުކުރެވޭ ގޮތުގައި ގެންގުޅޭ ލިޔުމާބެހޭ ޤާނޫނުގެ 29 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދަ ހާލަތެއް މެދުވެރިވެފައި ނުވާކަން؛14

(ބ) އެހެންކަމުން، ޗެކުގެ ސައްހަކަމާމެދު ސުވާލު އުފެދިފައި ނުވާއިރު، އަދި ބޭންކުން ދޫކޮށްފައިވާ ފައިސާއަކީ ޢަލީ ޒާހިރުގެ ފަރާތުން ދައްކަންޖެހޭ ފައިސާއެއް ކަމަށް އޭނާ ގަބޫލުކޮށްފައިވާތީ، އެމްސީބީ އަށް އެ ފައިސާ ހޯދުމުގެ މަސައްކަތް ކުރެވޭނެ ކަން.15

19.2. ފަނޑިޔާރު ޙަސަން ޝަފީޢު ފާހަގަކުރައްވާފައިވަނީ އަންނަނިވި ނުކުތާތަކެވެ.

(ހ) ކޯޓުގެ ކުރިމަތީގައި އޮތް ސުވާލަކީ ޢަލީ ޒާހިރުއާ އެމްސީބީއާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން އުފެދިފައިވާ ޚުޞޫމާތެއް ކަމުގައިވާތީ، އާންމުކޮށް ބޭންކުތަކުން އަމަލުކުރާ އުސޫލަށް ރިއާޔަތްކޮށް ސިވިލް ކޯޓުން ފައިސަލާކޮށްފައިވާ ނަމަވެސް، މި މައްސަލައިގައި ބަލަންޖެހޭނީ އެމްސީބީއިން އަމަލުކުރާ އުސޫލުތަކަށްކަން؛16

(ށ) އެކައުންޓުގައި ފައިސާ ނެތުމަކީ އެކައުންޓްގެ ވެރި ފަރާތުން ޗެކެއް ދޫކޮށް ބޭންކުގެ މައްޗަށް ކުރާ އަމުރަށް އެފަރާތުން ތަބާވުން ލާޒިމުނުވާ ހާލަތެއް ނަމަވެސް،

(1) ޢަލީ ޒާހިރުގެ ފަރާތުން 2,305,100/-ރ. (ދެ މިލިއަން ތިންލައްކަ ފަސްހާސް އެއްސަތޭކަ ރުފިޔާ) ގެ ޗެކު ދޫކޮށްފައިވަނީ އެކައުންޓުގައި ޗެކުގައިވާ އަދަދަށް ފައިސާ ނެތިސް ކަމުގައިވެފައި، ޗެކު ޕްރޮސެސްކޮށް އޭގައިވާ އަދަދަށް ފައިސާ ދޫކޮށްފައިވަނީ ޢަލީ ޒާހިރު ޗެކުގައި ލިޔެފައި އޮތް ޢަބްދުﷲ ނަސީރު މުޙައްމަދުއަށް ކަމުގައި ވާތީއާއި:17

(2) މި މުޢާމަލާތުގައި ގުޅުން އޮތީ އެމްސީބީއާ ޢަލީ ޒާހިރާމެދު ކަމުގައިވެފައި، ޢަބްދުﷲ ނަސީރު މުޙައްމަދުއަކީ ޢަލީ ޒާހިރު ދޫކުރި ޗެކުގެ ފައިސާ ލިބެންވާ ފަރާތްކަމުގައި ވާތީއާއި؛18

(3) ސިވިލް ކޯޓަށް ހުށަހަޅާފައިވާ ދަޢުވާއިން ޢަލީ ޒާހިރު އެދިފައިވަނީ ބޭންކުގެ ނިންމުން ބާޠިލުކަމުގައި ކަނޑައަޅައި، ނޯޓިސްގައި ބުނެފައިވާ ފައިސާ ދެއްކުމަށް ޢަލީ ޒާހިރު ޒިންމާވާން ނުޖެހޭނެކަމަށް ކަނޑައަޅައިދިނުމަށް ކަމުގައިވާއިރު، ޗެކުގައިވާ މިންވަރަށް އެކައުންޓުގައި ފައިސާ ނެތީސް އެ މިންވަރަށް ފައިސާ ދޫކޮށްފައިވަނީ ބޭންކުގެ އިހުމާލުންކަން ކަނޑައަޅައިދިނުމަށް އެދިފައި ނުވާތީއާއި؛19

(4) ފައިސާއަށް ބަދަލުކުރެވޭ ގޮތުގައި ގެންގުޅޭ ލިޔުމާބެހޭ ޤާނޫނުގެ

21 ވަނަ މާއްދާގައި ޗެކުގެ ތައުރީފު ދީފައިވާއިރު، ޗެކުން ފައިސާ ދޫކުރުމަށް ކުރާ އަމުރަކީ އެކައުންޓުގައި ހުރި ފައިސާއަކުން ދޫކުރެވެން އޮތް މިންވަރެއްގެ ފައިސާ ދޫކުރުމަށް ކުރެވޭ އަމުރެއްކަން އެނގެން ނެތުމުންނާއި؛20

(5) ފައިސާއަށް ބަދަލުކުރެވޭ ގޮތުގައި ގެންގުޅޭ ލިޔުމާބެހޭ ޤާނޫނުގެ

29 ވަނަ މާއްދާގައި، ޗެކަކުން ފައިސާ ދޫކުރުމުން ބޭންކުގެ މައްޗަށް ކުރެވޭ އަމުރުގެ ބާރު ނެތިދާ ހާލަތްތައް ބަޔާންކޮށްފައިވާއިރު، އެ ހާލަތްތަކުގެ ތެރޭގައި ބޭންކް އެކައުންޓުގައި ޗެކުގައިވާ މިންވަރަށް ފައިސާ ނުހުންނަ ހާލަތްތައް ހިމަނާފައި ނުވާތީ، އަދި ބޭންކުގެ ކަސްޓަމަރުގެ ފަރާތުން ދޫކުރާ ޗެކުގައިވާ މިންވަރަށް އެކައުންޓުގައި ފައިސާ ނެތްނަމަ އެ ޗެކަށް ފައިސާ ދޫކުރުން ލާޒިމު ނޫންކަމުގައި އެ ޤާނޫނުގެ 30 ވަނަ މާއްދާއިން (ނ) އިން އެނގެން އޮތުމުން، އެކައުންޓުގައި އެ މިންވަރަށް ފައިސާ ނެތް ނަމަވެސް، ޗެކުގައިވާ އަދަދަށް ފައިސާ ދޫކުރުމަކީ ބޭންކުގެ އިޚްތިޔާރުގައިވާ ކަމެއްކަމުގައި ވާތީއާއި؛21

(6) ޤާނޫނުގައި ވަކިކަމެއް ވަކިގޮތަކަށް ކަން ކުރުމަށް ބަޔާންކޮށްފައި ނުވާނަމަ ރަމްޒުކޮށްދެނީ އެ ކަމެއް އެ ގޮތަށް ޤާނޫނުގައި ހިމެނުމަށް ރައްޔިތުންގެ މަޖިލީހުން ބޭނުން ނުވާކަމުގައި ކަމަށާއި، މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނުގެ 8 ވަނަ މާއްދާއިންނާއި، ޤާނޫނީ ޤާއިދާއިން22 މި މާނަކުރުމަށް ބާރުދޭތީއާއި؛23

(7) މީގެ ނަތީޖާއެއްގެ ގޮތުން، ބޭންކަށް ކަސްޓަމަރަކު ހުށަހަޅާ ޗެކަކަށް ބޭންކުން އަމަލުކުރެވޭނެ ދެގޮތަކީ އެ ޗެކަށް ފައިސާ ދޫނުކުރުން ނުވަތަ އޯވަރޑްރާފްޓްގެ ގޮތުގައި ފައިސާ ދޫކުރުން ކަމުގައިވާތީއާއި؛24

(8) ޢަލީ ޒާހިރުގެ ފަރާތުން އެމްސީބީގައި ހުޅުވާފައިވާ އެކައުންޓަކީ ދިވެހި ރުފިޔާ ކަރަންޓް އެކައުންޓެއް ކަމުގައިވެފައި، އެކި ބާވަތްތަކުގެ އެކައުންޓްގެ ސިފަތަށް ތަފާތުވާ ހިނދު، ކަރަންޓް އެކައުންޓްގެ އެއް ސިފައަކީ ދުރާލާ އެދިގެން (authorized) ނުވަތަ އެދުމަކާ ނުލައި (unauthorised) އޯވަރޑްރޯ ކުރެވުން (ނުވަތަ އެކައުންޓުގައި ހުރި މިންވަރަށްވުރެ އިތުރަށް ފައިސާ ނެގުން) ކަމުގައާއި، މިފަދައިން އޯވަރޑްރޯ ކުރާ ފައިސާއަކީ ލޯނެއްގެ ގޮތުގައި ދަރަންޏަށް ނަގާ ފައިސާ ކަމުގައާއި؛25

(9) މި މައްސަލައަށް ބަލާއިރު ޢަލީ ޒާހިރާއި އެމްސީބީއާ މެދު އޯވަރޑްރާފްޓްގެ ގޮތުގައި ފައިސާ ނެގުމަށް އެއްބަސްވުމެއް ވެފައިނުވާކަން އެނގެން އޮންނާތީ، އެފަދަ އެއްބަސްވުމެއް ނެތް ހާލުގައި އެކައުންޓުގައި ނެތް ފައިސާއެއް ދޫކުރެވިދާނެކަން ނުވަތަ ނޫންކަމުގެ މައްޗަށް ބަލާއިރު، އެމްސީބީގައި ޢަލީ ޒާހިރުގެ ފަރާތުން ކަރަންޓް އެކައުންޓް ހުޅުވިއިރު، ކަރަންޓް އެކައުންޓާ ގުޅޭގޮތުން ބޭންކުގެ ފަރާތުން އެކުލަވާލާފައިވާ ޝަރުޠުތަކަށް އެއްބަސްވާކަމުގައާއި އެ ޝަރުތުތަކަކީ އެކި ވަގުތުތަކުގައި ބަދަލުވުމުގެ ފުރުސަތު އޮތް ޝަރުތުތަކެއްކަމަށް އެއްބަސްވާކަމުގައި އެކައުންޓް ހުޅުވާ ފޯމުގައި ބަޔާންކޮށްފައި އޮންނާތީއާއި؛26

(10) ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް އެމްސީބީގެ ފަރާތުން "ކަރަންޓް އެކައުންޓް އިން މޯލްޑިވިއަން ރުފިޔާ ރޫލްސް އެންޑް ރެގިއުލޭޝަންސް" (މީގެ ފަހުން "ކަރަންޓް އެކައުންޓް ރޫލްސް")27 ހުށަހަޅާފައިވާ ނަމަވެސް، އެ ލިޔުމަކީ ދަށު ކޯޓަށް ހުށަޅާފައި ނުވާ ލިޔުމެއްކަމުގައިވާތީ އެ ލިޔުމުގެ މައްޗަށް ރިއާޔަތް ނުކުރެވޭނެ ކަމުގައި ޢަލީ ޒާހިރުގެ ފަރާތުން ހުށަހެޅި ނަމަވެސް، ކަރަންޓް އެކައުންޓް ރޫލްސްއަކީ މި މައްސަލައާ ގުޅޭ އަސާސީ ލިޔުމެއް ކަމުގައިވެފައި، ބޭންކުގައި ކަރަންޓް އެކައުންޓް ހުޅުވާ ހުރިހާ ފަރާތްތަކުން އެކައުންޓް ހުޅުވަނީ ބޭންކުގައި ކަރަންޓް އެކައުންޓް ހިންގާ ޝަރުތުތަކަށާއި،

އެ ޝަރުތުތަކަށް އެކި ވަގުތުތަކުގައި ގެންނަ ބަދަލުތަކަށް ރުހިގަބޫލުވެގެން ކަމުގައިވާތީ، ކަރަންޓް އެކައުންޓް ރޫލްސްއަކީ ބޭންކުގައި ކަރަންޓް އެކައުންޓް ހުޅުވާފައިވާ އެންމެހާ ފަރާތްތަކުގެ މައްޗަށް ހިނގާނެ އުސޫލެއްކަމުގައިވާތީ، ކަރަންޓް އެކައުންޓް ރޫލްސް އެއް ފަރާތްކޮށްފައި މައްސަލައިގައި ގޮތް ކަނޑަނޭޅޭނެ ކަމަށާއި، ކަރަންޓް އެކައުންޓް ރޫލްސްގެ 42 ވަނަ މާއްދާއަށް ބެލުމުން ބޭންކަށް އޮތް މުޠުލަޤު އިޚްތިޔާރެއްކަމުން؛28

އެމްސީބީއާ ޢަލީ ޒާހިރާމެދު ހިނގާފައި އޮތް މުޢާމަލާތަކީ ސާދާ އަންއޮތޮރައިޒްޑް އޯވަރޑްރާފްޓްގެ މުޢާމަލާތެއް ކަމުގައާއި، މި މުޢާމަލާތަކީ ބޭންކުގެ އިހުމާލުން ހިނގާފައިވާ މުޢާމަލާތެއްކަމުގައި ބެލޭނެ ހަމައެއް ޢަލީ ޒާހިރުގެ ފަރާތުން ސިވިލް ކޯޓު އަދި ހައިކޯޓުގައިވެސް ބުނެދީފައިނުވާކަމުން، ޢަލީ ޒާހިރު ދޫކުރި ޗެކަށް ޢަބްދުﷲ ނަޞީރު މުޙައްމަދަށް އެމްސީބީއިން ދޫކޮށްފައިވާ ފައިސާ އަނބުރާ ދެއްކުމަކީ ޢަލީ ޒާހިރުގެ ޒިންމާއެއްކަން.29

20. ހައިކޯޓުގެ ނިންމުމުގައި ފާހަގަކޮށްފައިވާ ކަންކަމަށް ބަލާއިރު، ފަނޑިޔާރު ޙަސަން ޝަފީޢު ފާހަގަކުރައްވާފައިވާ ނުކުތާތަކަށް އަހުރެން އެއްބަސްވަމެވެ. އަހުރެން އެގޮތަށް ބުރަވަނީ އަންނަނިވި ސަބަބުތަކަށްޓަކައެވެ.

20.1. ފައިސާއަށް ބަދަލު ކުރެވޭ ގޮތުގައި ގެންގުޅޭ ލިޔުމާބެހޭ ޤާނޫނުގެ 21 ވަނަ މާއްދާގައި ޗެކަކީ އޭގެ މައްޗަށް ބޭންކުން ތަބާވާންޖެހޭ އަމުރެއްކަން އެނގެން އޮތްހިނދު، ޗެކުން ބޭންކުގެ މައްޗަށް ކުރާ އަމުރުގެ ބާރު ކެނޑިދަނީ އެ ޤާނޫނުގެ 29 ވަނަ މާއްދާގައި ބަޔާންކުރާ ހާލަތްތަކުގައި އެކަނި ކަމުގައިވާތީއާއި، އެ ޤާނޫނުގެ 30 ވަނަ މާއްދާގައި ބުނާ ހާލަތްތަކަކީ ޗެކަކަށް ފައިސާ ދޫކުރުމަށް ކުރާ އަމުރަށް ބޭންކުން ތަބައަވުން ލާޒިމު ނުވާ ހާލަތްތަކެއްކަން ޤާނޫނުގެ ސަރީހަ ނައްސުން ބަޔާންކޮށްފައި އޮތުމުން، އެ ހާލަތްތަކުގައި ޗެކުގައިވާ ފައިސާ ދޫކުރުމަށް ނުވަތަ ނުކުރުމަށް ބޭންކަށް އިޚްތިޔާރު ލިބިދީފައިވުން.

20.2. ހައިކޯޓުގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ފަދައިން، ޤާނޫނަކުން ވަކި ކަމަކާ ގުޅިގެން އަމަލުކުރެވިދާނެ ގޮތްތަކެއް ބަޔާންކޮށްފައި އޮންނައިރު، އޭގެ ތެރެއިން ވަކި ހާލަތްތަކުގައި ވަކި ގޮތަކަށް އަމަލު ނުކުރެވޭނެ ކަމުގައި ބަޔާންކޮށް، އަދި ބައެއް ހާލަތްތަކެއްގައި އަމަލުކުރުން ލާޒިމު ނުވާކަމުގައި ބަޔާންކޮށް، އެކަންކަން އިޚްތިޔާރަށް ދޫކޮށްލާފައިވާނަމަ، (ޤާނޫނުން ކަނޑައަޅާފައިވާ ގޮތަކީ އެންމެ ރަނގަޅު ގޮތްކަމުގައި ފަނޑިޔާރަށް ނުފެންނަ ހާލަތްތަކުގައިވެސް) ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތް އެއްފަރާތް ކުރުމަކީ ފަނޑިޔާރަށް ކުރެވޭނެކަމެއް ކަމުގައި ނުވުން.30

20.3. ކަރަންޓް އެކައުންޓްގެ އެއް ސިފައަކީ ދުރާލާ އެދުމަކާ ނުލައި (unauthorised) އޯވަރޑްރޯ ކުރުން (ނުވަތަ އެކައުންޓުގައި ހުރި މިންވަރަށްވުރެ އިތުރަށް ފައިސާ ނެގުން) ކަމުގައިވެފައި، އެމްސީބީގައި ޢަލީ ޒާހިރުގެ ފަރާތުން ކަރަންޓް އެކައުންޓް ހުޅުވިއިރު، ކަރަންޓް އެކައުންޓާ ގުޅޭގޮތުން ބޭންކުގެ ފަރާތުން އެކުލަވާލާފައިވާ ޝަރުތުތަކަށް ޢަލީ ޒާހިރުގެ ފަރާތުން އެއްބަސްވެފައިވާ ހިނދު، އެމްސީބީގެ ކަރަންޓް އެކައުންޓް ރޫލްސްގެ 42 ވަނަ މާއްދާގައި އޯވަރޑްރާފްޓް ދިނުމާއި ޕޭމަންޓް އަދި ޓްރާސްފަރއާގުޅޭ އިރުޝާދު ދިނުމަކީ ހަމައެކަނި ބޭންކަށް ލިބިފައިވާ މުޠުލަޤު ބާރެއް ކަމުގައި ބަޔާންކޮށްފައި އޮތުމުން، އެއީ ޢަލީ ޒާހިރާއި އެމްސީބީއާމެދު ވެފައިވާ އެއްބަސްވުމުގެ ބައެއްގެ ގޮތުގައި ހިމެނޭ، އެކަމުގެ މައްޗަށް ޢަލީ ޒާހިރު އެއްބަސްވެފައިވާ ކަމަކަށްވުން.

20.4. ބޭންކުތަކުގައި އެކައުންޓް ހުޅުވާ ފަރާތްތައް ރައްކާތެރިކުރުމުގެ ގޮތުން އަންއޮތޮރައިޒްޑް އޯވަރޑްރާފްޓް ދިނުމާގުޅޭ ގޮތުން ޤާނޫނުގައި ނުވަތަ ޤަވާއިދުގައި ވަކިކަމެއް ފާހަގަކޮށްފައިވާކަން ނުވަތަ ނޫންކަމުގެ މައްޗަށް އަދި އަމިއްލަ ފަރާތަކަށް ދޫކުރާ އޯވަރޑްރާފްޓްގެ މަތީ މިންވަރެއް (ceiling / limit) ކަނޑައަޅާފައިވާކަން ނުވަތަ ނޫންކަމުގެ މައްޗަށް ބަލާއިރު، އޯވަރޑްރާފްޓް، ލޯނު އަދި މިނޫންވެސް ބޭންކު މެދުވެރިކޮށް މީހުންނަށް ދަރަނީގެ ގޮތުގައި ދޫކުރާ ފައިސާއަށް ވަކި މަތީ މިންވަރެއް ކަނޑައަޅާފައިވާކަން ފެންނާކަށް ނެތެވެ. އެހެންނަމަވެސް، ޤާނޫނު ނަންބަރު 2010/24 (ދިވެހިރާއްޖޭގެ ބޭންކިންގއާބެހޭ ޤާނޫނު) ގެ ދަށުން ހަދާފައިވާ ޤަވާއިދު ނަންބަރު 2015/R-150 (ޕްރޫޑެންޝަލް ރެގިއުލޭޝަން، ރެގިއުލޭޝަން އޮން ސިންގަލް ބޮރޮވަރ އެންޑް ލާޖް އެކްސްޕޯޝަރ ލިމިޓްސް) އަށް ބެލުމުން ފެންނާން އޮތީ ބޭންކުގެ ފަރާތުން ދަރަނީގެ ގޮތުގައި އެއް ފަރާތަކަށް ދޫކުރެވޭނެ އެންމެ މަތީ މިންގަނޑު ކަނޑައަޅާފައިވެއެވެ.

ބުނެވުނު ޤަވާއިދުގެ ތިންވަނަ ބައިގެ 1 ގައި، ބޭންކުން ފައިސާ ދޫކުރުމުގައި ބަލަންޖެހޭ މިންގަނޑުތައް ހިމަނާފައިވާއިރު، އެ އަކުރުގެ (a) ގައި އޮންނަނީ:

Single person: the total exposures outstanding at any time, including both funded and unfunded exposures, to a single person, or to a group of closely-related persons treated as a single person, shall not at any time exceed 15% of the bank’s capital base.

މިފަދައިން ކަމުން، ބޭންކުން ފައިސާ ދޫކުރުމުގައި، ބޭންކުގެ ކެޕިޓަލްގެ %15 އަށް ވުރެ ބޮޑުނުވާނަމަ ފައިސާ ދޫކުރެވިދާންކަން އެނގެއެވެ. އަދި އެހެންކަމުން، އެ މަތީ މިންގަނޑަށްވުރެ މަދުން ފައިސާ ދޫކުރާ ހާލަތްތަކުގައި، ބޭންކުން ކަން ކުރާގޮތް ބިނާވަނީ ވަކި ބޭންކުތަކުން އެކުލަވާލާފައިވާ ގަވާއިދުތަކާއި އުސޫލުތަކުގެ މައްޗަށްކަމުގައިވުން.

20.5. މި ކޯޓުގެ ކުރިމަތީގައި އޮތް މި މައްސަލައިގެ ކަން ހިނގާފައިވާ ގޮތަށް ބަލާއިރު:

(ހ) އެމްސީބީގައި ޢަލީ ޒާހިރުގެ ނަމުގައި ހުޅުވާފައިވާ އެކައުންޓުން

2,305,100/-ރ. (ދެ މިލިއަން ތިންލައްކަ ފަސްހާސް އެއްސަތޭކަ ރުފިޔާ) ނެގޭ ގޮތަށް ޢަބްދުﷲ ނަޞީރު މުޙައްމަދަށް ޢަލީ ޒާހިރުގެ ފަރާތުން ޗެކު ދޫކޮށްފައިވަނީ 08 ފެބުރުވަރީ 2016 ގެ ތާރީޚު ޖަހާފައި ކަމުގައިވެފައި؛

(ށ) ޢަބްދުﷲ ނަޞީރުގެ ފަރާތުން ޢަލީ ޒާހިރަށް ދޫކޮށްފައިވާ 4,125,000/-ރ. (ހަތަރު މިލިއަން އެއްލައްކަ ފަންސަވީސްހާސް ރުފިޔާ) ގެ ޗެކެއް އިސްވެ ބުނެވުނު ޢަލީ ޒާހިރުގެ އެކައުންޓަށް ޖަމާކުރުމަށް 09 ފެބްރުވަރީ 2016 ވަނަ ދުވަހު ހުށަހެޅުމުން، ޗެކު ޖަމާކުރިކަމުގެ ސްލިޕެއް (ޗެކު ޑިޕޮސިޓް ސްލިޕް) އެމްސީބީގެ ފަރާތުން ޢަލީ ޒާހިރަށް އެ ދުވަހު ދޫކޮށްފައިވާ ކަން އެނގެން އޮވެފައި؛

(ނ) ޢަލީ ޒާހިރުގެ ފަރާތުން ޢަބްދުﷲ ނަޞީރު މުޙައްމަދަށް ދޫކުރި (މި ނުކުތާގެ (ހ) ގައި ބަޔާންކޮށްފައިވާ) 2,305,100/-ރ. (ދެ މިލިއަން ތިންލައްކަ ފަސްހާސް އެއްސަތޭކަ ރުފިޔާ) ގެ ޗެކަށް އެމްބީސީ އިން ފައިސާ ދޫކޮށްފައިވަނީ 10 ފެބްރުވަރީ 2016 ވަނަ ދުވަހު ކަމުގައިވެފައި؛

(ރ) ޢަލީ ޒާހިރުގެ އެކައުންޓަށް ޖަމާކުރި (މި ނުކުތާގެ (ށ) ގައި ބަޔާންކޮށްފައިވާ) 4,125,000/-ރ. (ހަތަރު މިލިއަން އެއްލައްކަ ފަންސަވީސްހާސް ރުފިޔާ) ގެ ޗެކު ބައުންސްވެފައިވާކަން އެމްބީސީއިން ޢަލީ ޒާހިރަށް އަންގާފައިވަނީ 10 ފެބްރުވަރީ 2016 ވަނަ ދުވަހު ކަމުގައިވުމުން؛

ސުޕްރީމް ކޯޓަށް މި އިސްތިއުނާފު ހުށަހެޅުމުގައި ޢަލީ ޒާހިރުގެ ފަރާތުން ބަޔާންކޮށްފައިވާ ފަދައިން، 2,305,100/-ރ. (ދެ މިލިއަން ތިންލައްކަ ފަސްހާސް އެއްސަތޭކަ ރުފިޔާ) ގެ ޗެކު ޢަލީ ޒާހިރުގެ ފަރާތުން ޢަބްދުﷲ ނަޞީރު މުޙައްމަދަށް ދޫކޮށްފައިވަނީ އޭނާގެ އެކައުންޓަށް 4,125,000/-ރ. (ހަތަރު މިލިއަން އެއްލައްކަ ފަންސަވީސްހާސް ރުފިޔާ) ގެ ޗެކު ޖަމާވެފައިވާކަމުގެ ސްލިޕް ލިބުމުން ކަމުގައި ބުނެފައިވާނަމަވެސް،31 ޢަލީ ޒާހިރުގެ ފަރާތުން ޢަބްދުﷲ ނަޞީރު މުޙައްމަދަށް ޗެކު ދޫކޮށްފައިވަނީ 08 ފެބްރުވަރީ 2016 ވަނަ ދުވަހު، ޢަލީ ޒާހިރުގެ އެކައުންޓަށް 4,125,000/-ރ. (ހަތަރު މިލިއަން އެއްލައްކަ ފަންސަވީސްހާސް ރުފިޔާ) ޖަމާވިކަމުގެ ސްލިޕް އޭނާއަށް 09 ފެބްރުވަރީ 2016 ވަނަ ދުވަހު ލިބުމުގެ ކުރިންކަން ހުށަހަޅާފައިވާ ލިޔެކިޔުމުން އެނގެން އޮވެއެވެ. އެހެންކަމުން، ޢަލީ ޒާހިރުގެ ފަރާތުން 2,305,100/-ރ. (ދެ މިލިއަން ތިންލައްކަ ފަސްހާސް އެއްސަތޭކަ ރުފިޔާ) ގެ ޗެކު ޢަބްދުﷲ ނަޞީރު މުޙައްމަދަށް ދޫކޮށްފައިވަނީ ޢަލީ ޒާހިރުގެ އެކައުންޓުގައި އެ އަދަދަށް ފައިސާ ހުންނާނެކަމަށް ޤަބޫލުކޮށްގެން، އަދި އެ ސްލިޕްއަށް ބަރޯސާވެގެން ކަމުގައި ބެލޭނެ ހަމައެއް ނެތުން.

އެހެނިހެން ކަންކަން

21. ޢަލީ ޒާހިރުގެ ފަރާތުން މި މައްސަލަ އިސްތިއުނާފު ކުރުމުގައި ހުށަހަޅާފައިވާ އެހެން ނުކުތާތަކަށް ބަލާލާނަމެވެ.

ކޮންޓްރެކްޓާބެހޭ ޤާނޫނު

22. ޤާނޫނު ނަންބަރު 91/4 (ކޮންޓްރެކްޓާ ބެހޭ ޤާނޫނު) އަށް ހަވާލާދީ، ޢަލީ ޒާހިރުގެ ފަރާތުން ދެ އިސްތިއުނާފީ ނުކުތާއެއް ހުށަހަޅާފައިވެއެވެ.

23. އޭގެން ފުރަތަމަ ނުކުތާއަކީ، ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 12 އަދި 13 ވަނަ މާއްދާއަށް ހަވާލާދީ ހުށަހަޅާފައިވާ ނުކުތާއެކެވެ. ދެވަނަ ނުކުތާއަކީ ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 5، 6، އަދި 8 ވަނަ މާއްދާއަށް ހަވާލާދީ ހުށަހަޅާފައިވާ ނުކުތާއެކެވެ.

24. ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 12 އަދި 13 ވަނަ މާއްދާއަށް ހަވާލާދީ ހުށަހަޅާފައިވާ ނުކުތާ:

24.1. ކަސްޓަމަރު ޒިންމާއެއް އުފުލަންޖެހޭފަދަ މުޢާމަލާތެއް ބޭންކުގެ ފަރާތުން ހިންގާނަމަ، އެ ކަސްޓަމަރުގެ ރުހުން ހޯދަންޖެހޭކަމާއި، ކަސްޓަމަރުގެ ރުހުމާނުލައި އެ ފައިސާ ދޫކޮށް، އެކަމަށް ކަސްޓަމަރު ޒިންމާކުރުވިދާނޭ ކަމަށް ހައިކޯޓުން ނިންމާފައިވަނީ ކޮންޓްރެކްޓާ ބެހޭ ޤާނޫނުގެ 12 އަދި 13 ވަނަ މާއްދާއާ ޚިލާފަށް ކަމަށް ބުނެ ޢަލީ ޒާހިރުގެ ފަރާތުން އިސްތިއުނާފީ ނުކުތާއެއް ހުށަހަޅާފައިވެއެވެ. މި ނުކުތާއަކީ ސުޕްރީމް ކޯޓުގެ ގަވާއިދު 2020 ގެ 103 ވަނަ މާއްދާގެ (ށ) ގެ ދަށުން ސުޕްރީމް ކޯޓަށް ބަލައިގަނެވޭނެ ނުކުތާއެއް ނޫންކަމުގައި ކަނޑައަޅައި ދިނުމަށް، އަދި މި ނުކުތާއަކީ ބަލައިގަނެވޭނެ ނުކުތާއެއް ކަމަށް ބެލިނަމަވެސް، ބޭންކުން ޢަމަލުކޮށްފައިވަނީ އެމްސީބީގެ ކަރަންޓް އެކައުންޓް ރޫލްސް އާ އެއްގޮތަށް ކަމަށް އެފަރާތުން ފާހަގަކޮށްފައިވެއެވެ.

24.2. ކޮންޓްރެކްޓާ ބެހޭ ޤާނޫނުގެ 12 އަދި 13 ވަނަ މާއްދާއަށް ބެލުމުން، އެ މާއްދާތަކުގައި ބަޔާންކުރަނީ ބިރެއްދައްކައިގެން، ނުވަތަ ޙަޤީޤަތް އޮޅުވާލައިގެން ނުވަތަ ނުރަނގަޅު ގޮތަކަށް ނުފޫޒުގެ ބޭނުންކޮށްގެން އެއްބަސްވުމެއް އުފައްދައިފިނަމަ، އެފަދަ ކޮންޓްރެކްޓަކީ އަމިއްލަ އިޚްތިޔާރު ނެތި އުފައްދާފައިވާ ކޮންޓްރެކްޓެއް ކަމާއި، އެފަދައިން އަމިއްލަ އިޚްތިޔާރު ނެތި މީހަކު ނުވަތަ ބަޔަކު ކޮންޓްރެކްޓެއްގައި ބައިވެރިވެފައިވާނަމަ، އެއީ ބާޠިލު ކޮންޓްރެކްޓެއް ކަމެވެ.

24.3. އެމްސީބީއިން ފާހަގަކޮށްފައިވާ ފަދައިން، މި ނުކުތާއަކީ ޢަލީ ޒާހިރުގެ ފަރާތުން ދަށުކޯޓުގައި އަދި ހައިކޯޓުގައިވެސް ފާހަގަކޮށްފައިވާ ނުކުތާއެއް ނޫނެވެ. އޭގެ އިތުރުން، ޢަލީ ޒާހިރުގެ ފަރާތުން ދަށުކޯޓާއި ހައިކޯޓުގައި ފާހަގަކޮށްފައިވާ ކަންކަމަށް ބަލާއިރު، އެމްސީބީއާ ޢަލީ ޒާހިރާ ދެމެދު (ރުފިޔާ ކަރަންޓް އެކައުންޓް ހުޅުވުމަށް) ވެފައިވާ އެއްބަސްވުމުގައި ޢަލީ ޒާހިރު ބައިވެރިވެފައިވަނީ ބިރެއްދައްކައިގެން، ނުވަތަ ޙަޤީޤަތް އޮޅުވާލައިގެން ނުވަތަ ނުރަނގަޅު ގޮތަކަށް ނުފޫޒުގެ ބޭނުންކޮށްގެން ކަމުގައި ދޭހަވާފަދަ އެއްވެސް ކަމެއް ޢަލީ ޒާހިރުގެ ފަރާތުން ހުށަހަޅާފައި ނުވާތީ، މި ނުކުތާ ބަލައިގަނެ، އެ މައްޗަށް ގޮތް ކަނޑައަޅަންޖެހޭ ކަމުގައި އަހުރެން ނުދެކެމެވެ.

25. ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 5، 6، އަދި 8 ވަނަ މާއްދާއަށް ހަވާލާދީ ހުށަހަޅާފައިވާ ނުކުތާ:

25.1. 03 މާރިޗު 2016 ގައި ޢަލީ ޒާހިރުގެ ފަރާތުން ބޭންކަށް ފޮނުވާފައިވާ ސިޓީން، ބޭންކުން ދޫކޮށްފައިވާ ފައިސާ ލޯނެއްގެ ގޮތުގައި ދެއްކުމަށް ޢަލީ ޒާހިރު ޤަބޫލުކޮށްފައިވާ ކަމަށް ބަލައި، އެ ފައިސާއާ ގުޅޭ މަސްޢޫލިއްޔަތު ޢަލީ ޒާހިރު އުފުލަންޖެހޭ ގޮތަށް މައްސަލަ ނިންމާފައިވަނީ، އެ ސިޓީގައި ބަޔާންކުރާ ކަންކަމުން ކޮންޓްރެކްޓާބެހޭ ޤާނޫނުން ލާޒިމްކުރާ ފަދަ އެއްބަސްވުމެއްގެ އަސާސީ ޝަރުޠުތައް ކަމަށްވާ ހުށަހެޅުމާއި ޤަބޫލުކުރުން ފުރިހަމަވެފައިވާކަން ބެލުމެއް ނެތިކަމުގައިވާތީ، އެ ނިންމުމަކީ ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 5، 6، އަދި 8 ވަނަ މާއްދާއާ ޚިލާފު ނިންމުމެއް ކަމަށް ބުނެ ޢަލީ ޒާހިރުގެ ފަރާތުން ހުށަހަޅާފައިވެއެވެ.

25.2. މި ނުކުތާގެ ރައްދުގައި އެމްސީބީގެ ފަރާތުން ބުނެފައިވަނީ ހައިކޯޓުގެ ނިންމުމުގައިވާ ގޮތުން، މި މައްސަލައިގައި ބަޔާންކުރެވިފައިވާ ޗެކުގެ ޞައްހަ ކަމާމެދު ސުވާލު އުފެދިފައި ނެތުމުންނާއި، އެ ޗެކަށް ފައިސާ ދިނުމަށް ޢަލީ ޒާހިރުގެ ފަރާތުން އެމްސީބީއަށް ކޮށްފައިވާ އަމުރާއި ފައިސާ ދޫކުރުމަށް އެމްސީބީއަށް ލިބިފައިވާ ބާރު ނެތިދާފަދަ ހާލަތެއް މެދުވެރިވެފައި ނެތުމުންނާއި، އެ ޗެކުގައިވާ ފައިސާ އެމްސީބީއިން ދޫކޮށްފައިވުމުން، އަދި އެ ފައިސާއަކީ ދައްކަންޖެހޭ ފައިސާއެއް ކަމަށް ޢަލީ ޒާހިރުގެ ފަރާތުން ޤަބޫލުވެސް ކޮށްފައިވާކަން އެނގެން އޮތުމުން، އެ ފައިސާ ހޯދުމުގެ ޙައްޤު ބޭންކަން ގެއްލިގެން ނުދާކަމަށެވެ. އަދި 03 މާރިޗު 2016 ގެ ސިޓީން އެއްބަސްވުމެއް ވުޖޫދުވެފައިވާ ކަމަށް ހައިކޯޓުން ބަލާފައި ނުވާއިރު، އެމްސީބީގެ ފަރާތުން ދޫކޮށްފައިވާ ފައިސާ ލޯނެއްގެ ގޮތުގައި ދެއްކުމަށް ޢަލީ ޒާހިރު ޤަބޫލުކޮށްފައިވާ ކަމަށް ބަލައި، ޗެކަށް ދޫކޮށްފައިވާ ފައިސާއާ ގުޅޭ ތަޢާގުދީ މަސްއޫލިއްޔަތު އުފުލަންޖެހޭ ގޮތަށް މައްސަލަ ނިންމުމުގައި ކޮންޓްރެކްޓާބެހޭ ޤާނޫނުން ލާޒިމުކުރާފަދަ އެއްބަސްވުމެއްގެ އަސާސީ ޝަރުޠުތައް އެ ސިޓީގައި ފުރިހަމަވެފައިވާކަން ހައިކޯޓުން ބަލާފައިނުވަނީ، ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 5، 6 އަދި 8 ވަނަ މާއްދާއާ ޚިލާފަށް ކަމަށްބުނެ ޢަލީ ޒާހިރުގެ ފަރާތުން ހުށަހަޅާފައިވާ ކަންކަމުގައި އެއްވެސް އަސާސެއް ނެތް ކަމަށެވެ.

25.3. ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 5 ވަނަ މާއްދާގައި ބަޔާންކޮށްފައި އޮންނަނީ ކޮންޓްރެކްޓެއް ކުރެވޭ ގޮތްކަމުގައިވާއިރު، އަދި އެ ޤާނޫނުގެ 6 ވަނަ މާއްދާއާ 8 ވަނަ މާއްދާގައިވަނީ ކޮންޓްރެކްޓެއް ވުޖޫދުވުމަށްޓަކައި ފުރިހަމަ ވާންޖެހޭ އުންސުރުތަކުގެ ތެރެއިން ހުށަހެޅުމާއި ޤަބޫލުކުރުމާ ގުޅިގެން އެ ޤާނޫނުގައި ހިމަނާފައިވާ ތަފްސީލުކަމުގައިވާހިނދު، ހައިކޯޓަށް ޢަލީ ޒާހިރު ހުށަހޅާފައިވާ ނުކުތާތަކުގެ ތެރޭގައި ކޮންޓްރެކްޓާބެހޭ ޤާނޫނަށް ހަވާލާދީ، ނުވަތަ ކޮންޓްރެކްޓެއް ވުޖޫދުވުމަށް ފުރިހަމަވާންޖެހޭ އުންސުރުތަކެއް މި މުޢާމަލާތާއި ގުޅިގެން ފުރިހަމަވެފައި ނުވާކަމުގައި ބުނެ އެއްވެސް ނުކުތާއެއް ފާހަގަކޮށްފައި ނުވެއެވެ.

25.4. މީގެ އިތުރުން، ހައިކޯޓުގެ ނިންމުމަށް އަދި ވަކިވަކި ފަނޑިޔާރުންގެ ރައުޔަށް ބެލިނަމަވެސް، ސިވިލް ކޯޓުން ނިންމި ނިންމުމަށް ހައިކޯޓުން ތާއީދުކުރުމުގައި، ޢަލީ ޒާހިރުގެ ފަރާތުން އެމްސީބީއަށް ފައިސާ ދައްކަންޖެހޭކަމަށް ބަޔާންކޮށްފައިވަނީ 03 މާރިޗު 2016 ގައި ޢަލީ ޒާހިރުގެ ފަރާތުން ބޭންކަށް ފޮނުވާފައިވާ ސިޓީގައި ބަޔާންކޮށްފައިވާ ކަންކަމުގެ މައްޗަށް ބިނާކޮށް ކަމުގައި ފެންނާން ނެތެވެ.

25.5. އެހެންކަމުން، މި ނުކުތާއަކީވެސް އެ މައްޗަށް ގޮތް ކަނޑައަޅަންޖެހޭ ނުކުތާއެއް ކަމުގައި އަހުރެން ނުދެކެމެވެ.

ފައިސާ ދެއްކުމަށް ޒިންމާވާންޖެހޭކަން ނުވަތަ ނޫންކަން

26. މަދަނީ މައްސަލަތަކުގައި ގޮތް ކަނޑައަޅަންޖެހެނީ އެދިފައިވާ ކަންކަން ސާބިތުވާކަން ނުވަތަ ނޫންކަމުގެ މައްޗަށް ކަމަށްވާއިރު، މި މައްސަލައިގައި ޢަލީ ޒާހިރުގެ ފަރާތުން އެމްސީބީއަށް ފައިސާ ދެއްކުމަށް ޒިންމާވާންޖެހޭ ކަމަށްވެސް އަދި ނުޖެހޭ ކަމަށްވެސް ދަށުކޯޓުން ކަނޑައަޅާފައި ނުވާކަމަށް ބުނެ ޢަލީ ޒާހިރުގެ ފަރާތުން އިސްތިއުނާފީ ނުކުތާއެއް ހުށަހަޅާފައިވެއެވެ. މި ނުކުތާގެ ރައްދުގައި އެމްސީބީގެ ފަރާތުން ބުނެފައިވަނީ ޢަލީ ޒާހިރުގެ ފަރާތުން ޢަބްދުﷲ ނަޞީރު މުޙައްމަދަށް ދޫކުރި 2,305,100/-ރ. (ދެ މިލިއަން ތިންލައްކަ ފަސްހާސް އެއްސަތޭކަ ރުފިޔާ) ގެ ޗެކަށްވާ ފައިސާ އެމްސީބީގެ ފަރާތުން ޢަބްދުﷲ ނަޞީރު މުޙައްމަދަށް ދޫކޮށްފައިވާތީ، އެ ފައިސާ ދެއްކުމަށް އަންގައި ޢަލީ ޒާހިރަށް އެމްސީބީގެ ފަރާތުން 18 ޖޫން 2018 ގައި ފޮނުވާފައިވާ ސިޓީއަށް ޢަމަލުކުރަން ނުޖެހޭ ސަބަބެއް ނެތް ކަމަށް ސިވިލް ކޯޓުން ކަނޑައަޅާފައިވުމުން، އެ ސިޓީގެ ޞައްޙަކަން ކަށަވަރު ވެގެންދާ ކަމަށާއި، އެ ސިޓީއަކީ ބާޠިލް ސިޓީއެއް ނޫންކަމަށް ކަނޑައެޅުމުގެ ނަތީޖާއަކީ އެ ސިޓީއާ އެއްގޮތަށް ޢަމަލުކުރުން ލާޒިމްވެގެން ދިއުންކަމަށެވެ.

27. މި ނުކުތާއާމެދު ގޮތެއް ކަނޑައެޅުމަށް ބަލާއިރު، މި މައްސަލައަކީ ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައިވާ ނިންމުމެއް އިސްތިއުނާފު ކުރުމަށް އެދި ޢަލީ ޒާހިރުގެ ފަރާތުން ހުށަހަޅާފައިވާ މައްސަލައެއް ކަމުގައިވެފައި، ޤާނޫނު ނަންބަރު 2022/10 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 16 ވަނަ މާއްދާގައިވާ ގޮތުން ހައިކޯޓުގެ ނިންމުމެއް ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރެވޭނީ އެ ނިންމުން ބިނާކުރެވިފައިވަނީ މައުޟޫޢީ ގޮތުން ނުވަތަ އިޖުރާއީ ގޮތުން ޤާނޫނާ ޚިލާފު ކަންތައްތަކެއްގެ މައްޗަށްކަމަށް ޤަބޫލުކުރެވޭ ސަބަބުތަކެއް ހުރެގެން ކަމުގައިވާއިރު، ޢަލީ ޒާހިރުގެ ފަރާތުން ހުށަހަޅާފައިވާ މި އިސްތިއުނާފީ ނުކުތާއަކީ ހައިކޯޓުގެ ނިންމުމުގައި ހުރި އުނިކަމެއް ފާހަގަކޮށް ހުށަހަޅާފައިވާ ނުކުތާއެއް ނޫނެވެ. މިއީ ސިވިލް ކޯޓުގެ ނިންމުމާ ހަވާލާދީ ހުށަހަޅާފައިވާ ނުކުތާއެކެވެ. އެހެންކަމުން، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 16 ވަނަ މާއްދާގެ (ހ) އަދި (ށ) އަށް ހަވާލާދީ، މިއީ މި މައްސަލައިގެ ތެރެއިން ގޮތެއް ކަނޑައަޅަންޖެހޭ ނުކުތާއެއް ކަމުގައި އަހުރެން ނުދެކެމެވެ.

ނިންމަން ފެންނަގޮތް

28. މަތީގައި ބަޔާންކޮށްފައިވާ ސަބަބުތައް އެހެން ހުރުމުން، ދިވެހިރާއްޖޭގެ ހައިކޯޓުގެ

ނަންބަރު 2019/HC-A/565 ޤަޟިއްޔާ އިސްތިއުނާފުކުރުމަށް ޢަލީ ޒާހިރުގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކަށް ރިޢާޔަތްކޮށް އެޤަޟިއްޔާގެ ޙުކުމް ބާތިލްކުރަންޖެހޭ ފަދަ ސަބަބެއް އޮތްކަމަށް ނުދެކެމެވެ.

ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ ރައުޔު

29. މި މައްސަލައިގައި ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންގެ ރައުޔު

30. އެމްސީބީގައި ޢަލީ ޒާހިރުގެ ނަމުގައި ހުޅުވާފައިވާ އެކައުންޓުން32 2,305,100/-ރ. (ދެ މިލިއަން ތިންލައްކަ ފަސްހާސް އެއްސަތޭކަ ރުފިޔާ) ނެގޭ ގޮތަށް 08 ފެބުރުވަރީ 2016 ގެ ތާރީޚުގައި ޢަބްދުﷲ ނަޞީރު މުޙައްމަދު ކިޔާ މީހަކަށް ޢަލީ ޒާހިރުގެ ފަރާތުން ޗެކެއް ދޫކޮށްފައިވެއެވެ.

31. ޢަލީ ޒާހިރު އެ ޗެކު ޢަބްދުﷲ ނަޞީރުއަށް ދޫކުރީ، ޢަބްދުﷲ ނަޞީރުގެ އެކައުންޓެއް އެމްސީބީގައި ނުއޮންނާތީ ޢަބްދުﷲ ނަޞީރުއަށް އެމްސީބީގެ ޗެކަކުން ލިބެންޖެހޭ ފައިސާ ޢަލީ ޒާހިރުގެ އެކައުންޓަށް ޖަމާކޮށްފައި އެފައިސާ ނަގައި ދިނުމަށް ޢަބްދުﷲ ނަޞީރު އެދިގެން ޢަބްދުﷲ ނަޞީރު އެވަގުތު ނަގައި ދިނުމަށް އެދުނު ފައިސާ ދިނުމުގެ ގޮތުން އެފައިސާ އެކައުންޓުގައި ހުރި ކަމަށް ބަލައިގެން ކަމަށް ޢަލީ ޒާހިރުގެ ފަރާތުން ބުނެފައިވެއެވެ. ޢަބްދުﷲ ނަޞީރު ދިން ޗެކު ބައުންސްވިކަން އެނގިފައިވަނީ އެ ޗެކު ދޫކުރި ފަހުން ކަމަށް ވެސް ބުނެފައިވެއެވެ. ޢަލީ ޒާހިރުގެ އެކައުންޓުގައި އެ ވަގުތު ހުރިފައިސާ 500/- (ފަސް ސަތޭކަ ރުފިޔާ) އަށްވުރެ ގިނަ ނުވާނެ ކަމަށް ޝަރީޢަތުން ސުވާލު ކުރުމުން ޢަލީޒާހިރުގެ ފަރާތުން ބުނެފައިވެއެވެ. ޢަބްދުﷲ ނަޞީރުއަށް ޢަލީ ޒާހިރު ދޫކުރި ޗެކުގައިވާ ޢަދަދަށް އޭނާގެ އެކައުންޓުގައި ފައިސާ ނެތި، 2,305,100/-ރ. (ދެ މިލިއަން ތިންލައްކަ ފަސްހާސް އެއްސަތޭކަ ރުފިޔާ)އޯވަރޑްރޯކޮށް ބޭންކުން އެ ޗެކަށް ފައިސާ ދޫކޮށްފައިވެއެވެ.

32. އެ ފައިސާ 10 (ދިހައެއް) ދުވަހުގެ ތެރޭގައި ބޭންކަށް ދެއްކުމަށް 18 ޖޫން 2018 ގައި ޢަލީ ޒާހިރުއަށް ބޭންކުން އަންގާފައިވެއެވެ. ޢަލީ ޒާހިރު ސިވިލް ކޯޓުގައި ދަޢުވާ ކޮށްފައިވަނީ، ބޭންކުން އެ ފައިސާ އޯވަރޑްރޯކޮށް ދޫކޮށްފައިވަނީ އޭނާ އެދިގެން ނޫން ކަމަށާއި ބޭންކުން އެ ފައިސާ ދޫކޮށްފައިވަނީ ފައިސާއަށް ބަދަލު ކުރެވޭ ގޮތުގައި ގެންގުޅޭ ލިޔުމާބެހޭ ޤާނޫނާއި33 އޯވަރޑްރޯ ކުރުމުގައި ބޭންކުން ޢަމަލުކުރަމުންދާ އުސޫލުތަކާއި ޚިލާފަށް ކަމަށްވާތީ، 18 ޖޫން 2018 ގައި ބޭންކުން އޭނާއަށް އެންގި އެންގުމަށް ޢަމަލުކުރަން ނުޖެހޭ ކަމަށް ކަނޑައަޅައިދިނުމަށް އެދިއެވެ. ސިވިލް ކޯޓުން ނިންމާފައިވަނީ އެސިޓީއަށް ޢަމަލުކުރަން ނުޖެހޭ ކަމަށް އެންގޭނެތަނެއް ނެތް ކަމަށެވެ. ހައިކޯޓުން ވަނީ ސިވިލް ކޯޓުގެ އެނިންމުމަށް ތާއީދުކޮށްފައެވެ.

33. ޗެކަކީ އެ ޗެކް ދޫކުރާ މީހާގެ ފަރާތުން ލިޔެ ސޮއިކޮށް، އޭގައި ބަޔާން ކުރެވިފައިވާ މީހަކަށް، ނުވަތަ އޭނާގެ އަމުރަށް، ނުވަތަ އެ ހިފައިގެންދާ މީހާއަށް، އެ ހިފައިގެން ދިއުމުން، ޝަރުތަކާނުލައި އޭގައި ކަނޑައެޅިގެންވާ އަދަދެއްގެ ފައިސާ ދިނުމަށް، ބޭންކު ވިޔަފާރިކުރާ ފަރާތަކަށް ލިޔުމަކުން ކުރެވޭ އަމުރެއް ކަމަށް ފައިސާއަށް ބަދަލު ކުރެވޭ ގޮތުގައި ގެންގުޅޭ ލިޔުމާބެހޭ ޤާނޫނުގެ34 21 ވަނަ މާއްދާގައި ބަޔާންވެގެންވެއެވެ. އަދި އެކައުންޓުގައި ޗެކުގައިވާ ވަރަށް ފައިސާ ނުހުންނަ ހާލަތުގައި މީހެއްގެ ފަރާތުން އެ ބޭންކަކުން ފައިސާ ނެގުމަށް ލިޔާ ޗެކަކަށް ފައިސާ ދޫކުރުމަށް އެ މީހަކު ބޭންކުގެ މައްޗަށް ކުރާ އަމުރަށް ބޭންކުން ތަބާވުން ލާޒިމު ނުވާ ކަމަށް ފައިސާއަށް ބަދަލުކުރެވޭ ގޮތުގައި ގެންގުޅޭ ލިޔުމާބެހޭ ޤާނޫނުގެ 30 ވަނަ މާއްދާގައި ބަޔާންކޮށްފައިވެއެވެ.

34. ފަހުން މި ބުނި މާއްދާގައި އެ ހާލަތުގައި ފައިސާ ދޫކުރުން ކަނޑައެޅިގެން މަނާކޮށްފައި ނެތުމުން ފައިސާ ދޫކުރުމަކީ ބޭންކުގެ އިޚްތިޔާރުގައިވާ ކަމެއް ކަމަށް ބޭންކުން ބުނެފައިވެއެވެ. މި ގޮތުން އިތުރަށް ދެވޭ ފައިސާ އަކީ އޯވަރޑްރޯކޮށް ދެވޭ ފައިސާއެވެ. މިގޮތަށް އޯވަރޑްރޯ ކުރުމަކީ ބޭންކުގެ "ކަރަންޓް އެކައުންޓް އިން މޯލްޑިވިއަން ރުފިޔާ ރޫލްސް އެންޑް ރެގިއުލޭޝަންސް" ގެ ދަށުން ބެންކަށް ލިބިގެންވާ މުޠުލަޤު އިޚްތިޔާރެއް ކަމަށް ބޭންކުން ބުނެފައިވެއެވެ. އެ ޤަވާޢިދުގެ 42 ވަނަ މާއްދާއިން އެހެން ދޭހަވިޔަސް އެ ޤަވާޢިދުގެ އެހެން މާއްދާތަކާއި އެކުގައި އެ މާއްދާ ކިޔުމުން އެއީ އެއްވެސް ޤައިދެއްނެތި ދޫކޮށްލެވިފައިވާ ކަމެއް ނޫންކަމާއި އެ ފަރާތަކަށް އޯވަރޑްރޯ ކުރުމަށް ބޭންކުން ދުރާލާ ހުއްދަދީފައި ވާންޖެހޭކަން ދޭހަވެއެވެ.

35. މިކަމާއި ގުޅޭގޮތުން ޝަރީޢަތުގައި ސުވާލު ކުރުމުން ބޭންކުން ބުނެފައިވަނީ އެ ހުއްދަ ދެނީ ބެންކާއި އެފަރާތަކާ ދެމެދު ކުރެވިފައިވާ މުޢާމަލާތްތަކަށް ބަލައި ދެފަރާތް ދެމެދުގައި އޮންނަ އިތުބާރުގެ މައްޗަށް ބިނާކޮށް ކަމަށެވެ. ރައްދުގައި ވާހަކަ ދައްކަމުން، ޢަލީ ޒާހިރުގެ އިތުރު 500,000 (ފަސްލައްކަ ރުފިޔާ) ގެ ލޯނެއް ނުދެއްކިގެން އެ މައްސަލަވެސް އޭރު އޮތްކަމަށް ޢަލީ ޒާހިރުގެ ފަރާތުން ޝަރީޢަތުގައި ބުނެފައިވެއެވެ. ބޭންކުން އެ ވާހަކަ ނަފީކޮށްފައި ނުވެއެވެ.

36. ކަންމިހެން އޮތްއިރު، އެކައުންޓުގައި އެންމެ 500/- (ފަސް ސަތޭކަ ރުފިޔާ) އޮއްވައި، އެއްވެސް ޔަޤީންކަމެއް ހޯދުމެއްނެތި، 2,305,100/- (ދެ މިލިއަން ތިންލައްކަ ފަސްހާސް އެއްސަތޭކަ ރުފިޔާ) އޯވަރޑްރޯކޮށް ބޭންކުން ފައިސާ ދޫކުރެވިފައިވަނީ ބޭންކަށް ބަލަންވާ ވަރަށް ނުބެލި އޮޅުމަކުން ކަމަށް އަހުރެންނަށް ބުރަވެވެއެވެ. އެއީ ބެންކާއި ކަސްޓަމަރާއި ދެމެދު އޮންނަ އިތުބާރަށް ބުރޫއަރާފައި ވަނިކޮށް، އެއްވެސް ޔަޤީންކަމެއް ހޯދުމެއްނެތި، އަދި ކަސްޓަމަރުގެ ވެސް ބަހެއް ނުހޯދައި، ބެންކަކުން މިހާބޮޑު ފައިސާގެ އަދަދެއް އޯވަރޑްރޯ ކުރުމަކީ އެނގިތިބެ ކުރާނެ ކަމެއްކަމަށް ހަމަ އެއްގޮތަކަށްވެސް ޤަބޫލު ނުކުރެވެއެވެ. މިއީ އޮޅުމަކުން ހިނގި ކަމެއްކަން ވަރަށް ސާފުކޮށް އެނގެއެވެ.

37. ބެންކަށް އޮޅުމަކުން ފައިސާ ދޫކުރެވުމަކީ އަލަށް ހިނގި ކަމެއް ނޫނެވެ. އެ ހާލަތުގައި ބޭންކުން އަވަސްވެގަންނަނީ އޮޅުމަކުން ފޮނުވުނު ފައިސާ ލިބުނު މީހާއަށް ގުޅައިގެން އެ ފައިސާ ހޯދުމަށެވެ. ގިނަ ފަހަރަށް އެ މީހަކު އެފައިސާ އަވަހަށް ދޭނެއެވެ. ނުދީ ލަސްކުރާ ހާލަތްތަކުގައި ބޭންކުން

އެ ފައިސާ ހޯދުމަށް އެ މީހެއްގެ މައްޗަށް ދަޢުވާކުރެއެވެ. ބޭންކުން އެ ފައިސާ އެ މީހަކަށް ދޭންޖެހޭ ސަބަބެއް އެ މީހަކަށް ނުދެއްކިއްޖެނަމަ އެ ފައިސާ އަނބުރާ ބެންކަށް ދިނުމަށް އެ މީހަކަށް ކޯޓުން އަންގާނެއެވެ. މި މައްސަލައިގައި ބޭންކުން މިއުޅެނީ ނުބައި ދިމާލަކަށް އައިސްގެންނެވެ.

މައްސަލަ ނިންމަން ފެންނަ ގޮތް

38. ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2019/HC-A/565 ޤަޟިއްޔާއާއި ސިވިލް ކޯޓުގެ ނަންބަރު

457/Cv-C/2019 ޤަޟިއްޔާ ނިންމާފައިވަނީ މި ކަމުގައި ބޭންކުން ޢަމަލުކުރަމުން އަންނަ ޤަވާޢިދުތަކާއި އުޞޫލުތަކާއި ޚިލާފަށް ކަމަށްވާތީ، އެ ދެ ޤަޟިއްޔާގެ ނިންމުން ބާޠިލުކުރުމަށް ފެނެއެވެ. އަދި ބުނެވިދިޔަ ޤަވާޢިދާއި ޢަމަލު ކުރަމުން އަންނަ އުޞޫލުތަކާއި ޚިލާފަށް ބޭންކުން އޯވަރޑްރޯ ކުރި ފައިސާ 10 (ދިހައެއް) ދުވަހުގެ ތެރޭގައި ބޭންކަށް ދެއްކުމަށް 18 ޖޫން 2018 ގައި ޢަލީ ޒާހިރުއަށް ބޭންކުން ފޮނުވާފައިވާ ސިޓީއަށް ޢަލީ ޒާހިރު ޢަމަލުކުރަން ނުޖެހޭ ކަމަށް ކަނޑައަޅަން ފެނެއެވެ.

ޙުކުމް

ދެންފަހެ، އިސްވެ ބަޔާންވެދިޔަ ސަބަބުތައް އެގޮތުގެމަތިން ހުރުމުން، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2019/HC-A/565 ޤަޟިއްޔާގެ ޙުކުމް ބާޠިލް ކުރަންޖެހޭ ސަބަބެއް ނެތްކަމަށް މި މައްސަލަ ބެލި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަޣްލަބިއްޔަތުން ކަނޑައަޅައިފީމެވެ.

މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ: އަޒްމިރާލްދާ ޒާހިރު ޢާއިޝާ ޝުޖޫން މުޙައްމަދު ޢަލީ ރަޝީދު ޙުސައިން (ރިޔާސަތު)

1

2 ރަޖިސްޓްރީ ނަންބަރު C-0528/2010

3 އެމްސީބީގެ ނަންބަރު 0000060372 އެކައުންޓް

4 ސިވިލް ކޯޓު ރިޕޯޓުގެ އެގްޒިބިޓް 2 - އެމްސީބީ ގައި ޢަލީ ޒާހިރުގެ ނަމުގައި ހުޅުވާފައިވާ ނަންބަރު 0000060372 އެކައުންޓުގެ ނަންބަރު 0478451 ޗެކް (ސިވިލް ކޯޓުގެ ނަންބަރު 457/Cv-C/2019 ޤަޟިއްޔާ ނިމުނުގޮތުގެ ރިޕޯޓުގެ (ސޮފްޓް ކޮޕީގެ) ނަންބަރު 39 ވަނަ ސަފުހާ).

5 ސިވިލް ކޯޓު ރިޕޯޓުގެ އެގްޒިބިޓް 1 - 09 ފެބްރުވަރީ 2016 ވަނަ ދުވަހު ޢަބްދުއްﷲ ނަޞީރުގެ ފަރާތުން އެމްސީބީ ގައި ޢަލީ ޒާހިރުގެ ނަމުގައި ހުޅުވާފައިވާ އެކައުންޓަށް 4,125,000/-ރ. ޖަމާކުރުމަށްފަހު ދޫކޮށްފައިވާ ޗެކް ޑިޕޮސިޓް ސްލިޕް (ސިވިލް ކޯޓުގެ ނަންބަރު 457/Cv-C/2019 ޤަޟިއްޔާ ނިމުނުގޮތުގެ ރިޕޯޓުގެ (ސޮފްޓް ކޮޕީގެ) ނަންބަރު 38 ވަނަ ސަފުހާ).

6 ސިވިލް ކޯޓު ރިޕޯޓުގެ އެގްޒިބިޓް 4 - ޢަލީ ޒާހިރުގެ ފަރާތުން އެމްސީބީއަށް އެޑްރެސްކޮށް 03 މާރޗް 2016 ގައި ފޮނުވި ސިޓީ (ސިވިލް ކޯޓުގެ ނަންބަރު 457/Cv-C/2019 ޤަޟިއްޔާ ނިމުނުގޮތުގެ ރިޕޯޓުގެ (ސޮފްޓް ކޮޕީގެ) ނަންބަރު 47 ވަނަ ސަފުހާ).

7 ސިވިލް ކޯޓު ރިޕޯޓުގެ އެގްޒިބިޓް 3 – އެމްސީބީގެ ވަކީލުންގެ ފަރާތުން ޢަލީ ޒާހިރަށް އެޑްރެސްކޮށް 18 ޖޫން 2018 ގައި ފޮނުވި ޑީމާންޑް ލެޓަރ (ސިވިލް ކޯޓުގެ ނަންބަރު 457/Cv-C/2019 ޤަޟިއްޔާ ނިމުނުގޮތުގެ ރިޕޯޓުގެ (ސޮފްޓް ކޮޕީގެ) ނަންބަރު 40 ވަނަ ސަފުހާ).

8 ސުޕްރީމް ކޯޓުގެ ނަންބަރު 2020/SC-A/46 ޤަޟިއްޔާ

9 ހައިކޯޓު ރިޕޯޓުގެ 7.1 ވަނަ ޕެރެގްރާފް (ހައިކޯޓުގެ ނަންބަރު 2019/HC-A/565 ޤަޟިއްޔާ ނިމުނުގޮތުގެ ރިޕޯޓުގެ (ސޮފްޓް ކޮޕީގެ) 8 އަދި 9 ވަނަ ސަފުހާ) އަދި ޢަލީ ޒާހިރުގެ ފަރާތުން ހައިކޯޓުގައި ސިވިލް ކޯޓުގެ ނިންމުން އިސްތިއުނާފުކުރުމަށް އެދި ހުށަހެޅި 'ފުރަތަމަ މަރުހަލާގެ ކޯޓުތަކާއި ޓްރައިބިއުނަލްތަކުން ނިންމާ ނިންމުންތައް އިސްތިއުނާފުކުރުމަށް އެދި ހުށަހަޅާ ފޯމް' ގެ 8.1 ވަނަ ނަންބަރު (ހައިކޯޓުގެ ނަންބަރު 2019/HC-A/565 ޤަޟިއްޔާ ނިމުނުގޮތުގެ ރިޕޯޓުގެ (ސޮފްޓް ކޮޕީގެ) 158 ވަނަ ސަފުހާ)

10 ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2020/SC-A/46 ޤަޟިއްޔާ

11 ހައިކޯޓު ރިޕޯޓުގެ 20 ވަނަ ޕެރެގްރާފް (ހައިކޯޓުގެ ނަންބަރު 2019/HC-A/565 ޤަޟިއްޔާ ނިމުނުގޮތުގެ ރިޕޯޓުގެ (ސޮފްޓް ކޮޕީގެ) 16 ވަނަ ސަފުހާ)

12 ހައިކޯޓު ރިޕޯޓުގެ 21 ވަނަ ޕެރެގްރާފް (ހައިކޯޓުގެ ނަންބަރު 2019/HC-A/565 ޤަޟިއްޔާ ނިމުނުގޮތުގެ ރިޕޯޓުގެ (ސޮފްޓް ކޮޕީގެ) 16 ވަނަ ސަފުހާ)

13 ހައިކޯޓު ރިޕޯޓުގެ 22 ވަނަ ޕެރެގްރާފް (ހައިކޯޓުގެ ނަންބަރު 2019/HC-A/565 ޤަޟިއްޔާ ނިމުނުގޮތުގެ ރިޕޯޓުގެ (ސޮފްޓް ކޮޕީގެ) 16 އަދި 17 ވަނަ ސަފުހާ)

14 ހައިކޯޓު ރިޕޯޓުގެ 23 ވަނަ ޕެރެގްރާފް (ހައިކޯޓުގެ ނަންބަރު 2019/HC-A/565 ޤަޟިއްޔާ ނިމުނުގޮތުގެ ރިޕޯޓުގެ (ސޮފްޓް ކޮޕީގެ) 17 ވަނަ ސަފުހާ)

15 ހައިކޯޓު ރިޕޯޓުގެ 25 ވަނަ ޕެރެގްރާފް (ހައިކޯޓުގެ ނަންބަރު 2019/HC-A/565 ޤަޟިއްޔާ ނިމުނުގޮތުގެ ރިޕޯޓުގެ (ސޮފްޓް ކޮޕީގެ) 18 ވަނަ ސަފުހާ)

16 ހައިކޯޓު ރިޕޯޓުގެ 48 ވަނަ ޕެރެގްރާފް (ހައިކޯޓުގެ ނަންބަރު 2019/HC-A/565 ޤަޟިއްޔާ ނިމުނުގޮތުގެ ރިޕޯޓުގެ (ސޮފްޓް ކޮޕީގެ) 29 ވަނަ ސަފުހާ)

17 ހައިކޯޓު ރިޕޯޓުގެ 50 ވަނަ ޕެރެގްރާފް (ހައިކޯޓުގެ ނަންބަރު 2019/HC-A/565 ޤަޟިއްޔާ ނިމުނުގޮތުގެ ރިޕޯޓުގެ (ސޮފްޓް ކޮޕީގެ) 30 ވަނަ ސަފުހާ)

18 ހައިކޯޓު ރިޕޯޓުގެ 51 ވަނަ ޕެރެގްރާފް (ހައިކޯޓުގެ ނަންބަރު 2019/HC-A/565 ޤަޟިއްޔާ ނިމުނުގޮތުގެ ރިޕޯޓުގެ (ސޮފްޓް ކޮޕީގެ) 30 ވަނަ ސަފުހާ)

19 ހައިކޯޓު ރިޕޯޓުގެ 52 އަދި 53 ވަނަ ޕެރެގްރާފް (ހައިކޯޓުގެ ނަންބަރު 2019/HC-A/565 ޤަޟިއްޔާ ނިމުނުގޮތުގެ ރިޕޯޓުގެ (ސޮފްޓް ކޮޕީގެ) 31 ވަނަ ސަފުހާ)

20 ހައިކޯޓު ރިޕޯޓުގެ 55 އަދި 56 ވަނަ ޕެރެގްރާފް (ހައިކޯޓުގެ ނަންބަރު 2019/HC-A/565 ޤަޟިއްޔާ ނިމުނުގޮތުގެ ރިޕޯޓުގެ (ސޮފްޓް ކޮޕީގެ) 32 ވަނަ ސަފުހާ)

21 ހައިކޯޓު ރިޕޯޓުގެ 68 އަދި 69 ވަނަ ޕެރެގްރާފް (ހައިކޯޓުގެ ނަންބަރު 2019/HC-A/565 ޤަޟިއްޔާ ނިމުނުގޮތުގެ ރިޕޯޓުގެ (ސޮފްޓް ކޮޕީގެ) 34 އަދި 35 ވަނަ ސަފުހާ)

22 expressio unius est exclusio alterius

23 ހައިކޯޓު ރިޕޯޓުގެ 68 އިން ފެށިގެން 78 ވަނަ ޕެރެގްރާފްގެ ނިޔަލަށް (ހައިކޯޓުގެ ނަންބަރު 2019/HC-A/565 ޤަޟިއްޔާ ނިމުނުގޮތުގެ ރިޕޯޓުގެ (ސޮފްޓް ކޮޕީގެ) 34 އިން ފެށިގެން 37 ވަނަ ސަފުހާގެ ނިޔަލަށް)

24 ހައިކޯޓު ރިޕޯޓުގެ 67 ވަނަ ޕެރެގްރާފް (ހައިކޯޓުގެ ނަންބަރު 2019/HC-A/565 ޤަޟިއްޔާ ނިމުނުގޮތުގެ ރިޕޯޓުގެ (ސޮފްޓް ކޮޕީގެ) 34 ވަނަ ސަފުހާ)

25 ހައިކޯޓު ރިޕޯޓުގެ 57، 58، 59 އަދި 60 ވަނަ ޕެރެގްރާފް އަދި 79 ވަނަ ޕެރެގްރާފް (ހައިކޯޓުގެ ނަންބަރު 2019/HC-A/565 ޤަޟިއްޔާ ނިމުނުގޮތުގެ ރިޕޯޓުގެ (ސޮފްޓް ކޮޕީގެ) 32 އަދި 33 ވަނަ ސަފުހާ އަދި 38 ވަނަ ސަފުހާ)

26 ހައިކޯޓު ރިޕޯޓުގެ 80، 81 އަދި 82 ވަނަ ޕެރެގްރާފް (ހައިކޯޓުގެ ނަންބަރު 2019/HC-A/565 ޤަޟިއްޔާ ނިމުނުގޮތުގެ ރިޕޯޓުގެ (ސޮފްޓް ކޮޕީގެ) 38 ވަނަ ސަފުހާ)

27 ހައިކޯޓުގެ ނަންބަރު 2019/HC-A/565 ޤަޟިއްޔާ ނިމުނުގޮތުގެ ރިޕޯޓުގެ (ސޮފްޓް ކޮޕީގެ) 172 އިން 175 ވަނަ ސަފުހާގައި ހިމަނާފައި.

28 ހައިކޯޓު ރިޕޯޓުގެ 83، 84، 85 އަދި 86 ވަނަ ޕެރެގްރާފް (ހައިކޯޓުގެ ނަންބަރު 2019/HC-A/565 ޤަޟިއްޔާ ނިމުނުގޮތުގެ ރިޕޯޓުގެ (ސޮފްޓް ކޮޕީގެ) 39 އަދި 40 ވަނަ ސަފުހާ)

29 ހައިކޯޓު ރިޕޯޓުގެ 88، 89 އަދި 90 ވަނަ ޕެރެގްރާފް (ހައިކޯޓުގެ ނަންބަރު 2019/HC-A/565 ޤަޟިއްޔާ ނިމުނުގޮތުގެ ރިޕޯޓުގެ (ސޮފްޓް ކޮޕީގެ) 40 ވަނަ ސަފުހާ)

30 ޤާނޫނުއަސާސީގެ 142 ވަނަ މާއްދާ އަދި ޤާނޫނު ނަންބަރު 2011/4 (މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނު) ގެ 3 ވަނަ މާއްދާގެ (ށ) އަދި (ނ) އާއި، 5 ވަނަ މާއްދާއާއި، 8 ވަނަ މާއްދާގެ (ނ) އާއި، 12 ވަނަ މާއްދާގެ (ޅ) އާއި، 37 ވަނަ މާއްދާގެ (ހ).

31 ޢަލީ ޒާހިރުގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ "އިސްތިއުނާފު ކުރުމުގެ ހުއްދައަށް އެދި ހުށަހަޅާ ފޯމު" ގެ 5.3 ވަނަ ނަންބަރު.

32 އެމްސީބީ ގެ ނަންބަރު 0000060372 އެކައުންޓް

33 ޤާނޫނު ނަންބަރު 95/16

34 ޤާނޫނު ނަންބަރު 95/16

2022/SC-A/73 [2024] SC 38

2019/SC-A/300 [2021] SC 778

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ޝެއަރ ކުރައްވާ