ދިވެހިރާއްޖޭގެ މަތީ މަރުޙަލާގެ ކޯޓުތަކުން ކަނޑައަޅާފައިވާ ޤާނޫނީ އުޞޫލުތައް

Maldives Legal Precedents

Saeed Lex
[2024] SC 47 · 2022/SC-A/65ސުޕްރީމް ކޯޓު · 22 ސެޕްޓެމްބަރު 2024

އިބްރާހީމް ޠާހިރު ވ. އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ

ސުޕްރީމް ކޯޓު
ފަހުގެ ޙުކުމެއްގައި ޙަވާލާދީފައެއް ނުފެނޭޙުކުމުގެ ހާލަތު
ސުޕްރީމް ކޯޓު · 22 ސެޕްޓެމްބަރު 2024ބާވަތް: މަދަނީ

ޚުލާޞާ

ޚުލާޞާ ނެތް.

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
—
ފަހުގެ ތާރީޚު
—

ނިންމުން

—

ކޯ ޓާމްސް

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

މި ލިޔުމުން އުޞޫލެއް ނުނެގުނު.

ފަނޑިޔާރުން

ބެންޗު
—
ޚިލާފު ރައުޔު
ނެތް

ޝަރީޢަތުގެ ވީޑިއޯ

ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.

 ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު [2024] SC 47 2022/SC-A/65 ޝަރީޢަތް ނިމުނުގޮތް އިބްރާހީމް ޠާހިރު ވ. އައްޑޫ ސިޓީ ކައުންސިލް ފަނޑިޔާރުންގެ މަޖިލިސް ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދު ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިން ނިމުނު ތާރީޚު 22 ސެޕްޓެމްބަރ 2024

އިސްތިއުނާފު ކުރެވުނު ޤަޟިއްޔާ 2021/HC-S-A/23, 2021/HC-S-A/37 އިސްތިއުނާފު ރައްދުވާ ފަރާތް އިސްތިއުނާފުކުރާ ފަރާތް އައްޑޫ ސިޓީ ކައުންސިލް އިބްރާހީމް ޠާހިރު، ސެވެންސްޓަރ، ސ. ހިތަދޫ ޤާނޫނީ ވަކީލު: ލީގަލް އޮފިސަރ، ޙުސައިން ޙަބީބް

ތަދައްޚުލު ކުރެވުނު ފަރާތް ފާޠިމަތު ޝަޛިއްޔާ، ޝަޒާ، ސ. ހިތަދޫ ބަދަލުގައި: މަދީޙު މުޙައްމަދު ޙުސައިން

ކޯޓުތައް ތަރުތީބުވެފައިވާ ގޮތާއި ކޯޓުތަކުގެ އިޚްތިޞާޞް، ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ނ)، ކުރިން ހުށަހެޅިފައިވާ ދަޢުވާގެ މައުލޫއުގައި ހަމަ އެ ކޯޓަށް މައްސަލަ ހުށަހެޅުން، ރެސް ޖުޑިކާޓާ، ދަށު މަރުޙަލާގައި ހިނގަމުންދާ މައްސަލައަކަށް ސުޕްރީމް ކޯޓުން ބަސް ބުނެވިދާނެތޯ

ފިހުރިސްތު

ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ ރައުޔު (ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދު އަދި ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިން ތާއީދު ކުރައްވާފައި) 1

ތަޢާރުފު 1

މައްސަލައިގެ ފަސްފަހަތް 1

(ހ) ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 198/S2C/2014 ގަޒިއްޔާ 1

(ށ) ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 544/S2C/2015 ގަޒިއްޔާ 2

(ނ) ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 378/S2C/2016 ގަޒިއްޔާ 3

(ރ) ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 203/S2C/2018 ގަޒިއްޔާ 4

ހައިކޯޓުން މައްސަލަ ނިންމިގޮތް 5

ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރެވުނު ނުކުތާތައް 7

ތަދައްޚުލުކުރުވުން 8

މައްސަލައިގެ އެންމެހައި ފަރާތްތަކުން ދެއްކި ވާހަކަ 8

އިބްރާހީމް ޠާހިރުގެ ފަރާތުން ފާހަގަކުރާ މައިގަނޑު ޤާނޫނީ ނުކުތާތައް 10

ސުޕްރީމް ކޯޓަށް މި މައްސަލައިގެ މައުލޫއުއާ ގުޅޭ ގޮތުން ގޮތެއް ކަނޑައެޅިދާނެތޯ 11

ސުޕްރީމް ކޯޓުން ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް އެންގި އެންގުން 13

ކޯޓުތައް ތަރުތީބުކުރެވިފައިވާ ގޮތާއި އިޚްތިޞާޞް 16

ރެސް ޖުޑިކާޓާގެ މަބްދައު 21

މައްސަލައަށް ހައްލެއް ލިބެންޖެހޭކަމަށް ބުނާ ބުނުން 25

ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔު 29

ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންގެ ރައުޔު 30

ޙުކުމް 30

` އިބްރާހީމް ޠާހިރު ވ. އައްޑޫ ސިޓީ ކައުންސިލް [2024] SC 47 ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ ރައުޔު (ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދު އަދި ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިން ތާއީދު ކުރައްވާފައި) ތަޢާރުފު

1. މި މައްސަލައަކީ ހައިކޯޓުގެ ނަންބަރު 2021/HC-S-A/23 އަދި 2021/HC-S-A/37 ގަޒިއްޔާ އެ ކޯޓުން ނިންމާފައިވަނީ ޤާނޫނާ އެއްގޮތަށް ނޫންކަމަށް ބުނެ އެ ގަޒިއްޔާތައް އިސްތިއުނާފުކުރުމަށް އެދި ސ. ހިތަދޫ، ސެވެންސްޓަރ، އިބްރާހީމް ޠާހިރުގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅުމުން، މި ކޯޓުން ބެލި މައްސަލައެވެ.

މައްސަލައިގެ ފަސްފަހަތް

2. ސ. ހިތަދޫ ސެވެންސްޓަރ އާއި ޝަޒާ ނަމަކަށް ކިޔާ ގޯއްޗާ ދެމެދު ގޯޅިގަނޑެއްވެއެވެ. އިބްރާހީމް ޠާހިރުގެ ނަމުގައި ރަޖިސްޓްރީ ކުރެވިފައިވާ ސެވެންސްޓަރ ގޯއްޗާ އިންވެގެން އޮންނަ މި ގޯޅިއަކީ ސެވެންސްޓަރ ގޯތީގެ ބައެއްކަމަށް ބުނެ، އެ ގޯޅިގަނޑު އެ ގޯތީގެ ބައެއްގެ ގޮތުގައި ހަމަޖައްސައިދިނުމަށް އެދި އިބްރާހީމް ޠާހިރުގެ ފަރާތުން އެކިފަހަރު މަތިން އައްޑުއަތޮޅު ހިތަދޫ މެޖިސްޓްރޭޓް ކޯޓު (މީގެ ފަހުން "ހިތަދޫ މެޖިސްޓްރޭޓް ކޯޓު") އަށް މައްސަލަ ހުށަހަޅާފައިވެއެވެ.

(ހ) ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 198/S2C/2014 ގަޒިއްޔާ

3. ސުޕްރީމް ކޯޓަށް ހުށަހެޅުނު ލިޔެކިޔުންތަކުގެ ތެރޭގައި ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް އެންމެ ފުރަތަމަ ހުށަހެޅުނު މައްސަލައަކީ އެ ކޯޓުގެ ނަންބަރު 198/S2C/2014 ގަޒިއްޔާއެވެ. މި މައްސަލަ ހުށަހެޅީ 21 އޭޕްރިލް 2014 ގައެވެ.

4. މި މައްސަލައިގައި އިބްރާހީމް ޠާހިރު ދަޢުވާކޮށްފައިވަނީ ސެވެންސްޓާރ ގޯއްޗަށް 1999 ވަނަ އަހަރު އިތުރުކޮށްދީފައިވާ 530 އަކަފޫޓަށްވާ ގޯޅިގަނޑު ސެވެންސްޓާރ ގޯތީގެ ޗާޓަށް އިތުރުކޮށްދިނުމަށް އެދި 18 އޮކްޓޯބަރު 2012 ގައި ހުށަހެޅި މައްސަލަ ނިމުމަކަށް ނައިސް ނުވަތަ ރަޖިސްޓްރީ ނުކުރެވި ގިނަ ދުވަސްތަކެއް ވަމުންދާތީ، އެބިން ސެވެންސްޓާރ ގޯތީގެ ރަޖިސްޓްރީއަށް އިތުރުކޮށްދިނުމަށް އައްޑޫ ސިޓީ ކައުންސިލްގެ މައްޗަށް ޙުކުމްކޮށްދިނުމަށް އެދި އެވެ.

5. ނަމަވެސް އެ ގަޒިއްޔާގައި ޙުކުމްކޮށްފައިވަނީ އިބްރާހީމް ޠާހިރު ހުށަހެޅި ދަޢުވާ އެވަގުތު ކުރިއަށް ގެންދަން ބޭނުންނުވާކަމަށް ބުނެ ދަޢުވާ ދޫކޮށް، އެ މައްސަލަ ބާޠިލުކުރުމަށް އެދޭކަމަށް ޝަރީޢަތަށް އިބްރާހީމް ޠާހިރު ބަޔާންދީފައިވާތީ، ޝަރީޢަތްކުރުމާބެހޭ ގޮތުން ހެދިފައިވާ ގަވާއިދު 6 ގެ 15 ވަނަ މާއްދާގެ 4 ވަނަ ނަންބަރުގައިވާ ގޮތުގެ މަތިން އެ މައްސަލައިގެ ދަޢުވާ ފޯމު ބާޠިލުކަމަށް ކަނޑައަޅައެވެ. އެ މައްސަލަ ނިންމީ 2 ފެބްރުއަރީ 2015 ގައެވެ. އަދި އެ މައްސަލަ އެއްވެސް ފަރާތަކުން އިސްތިއުނާފުކުރިކަން އެނގޭކަށް ނެތެވެ.

(ށ) ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 544/S2C/2015 ގަޒިއްޔާ

6. 27 އޮކްޓޯބަރު 2015 ގައި ހިތަދޫ މެޖިސްޓްރޭޓް ކޯޓުގައި އެ ކޯޓުގެ ނަންބަރު 544/S2C/2015 ގަޒިއްޔާއިން ލޭންޑް ބިލްޑިންގ އެންޑް މުނިސިޕަލް ސަރވިސް ޑިޕާޓްމަންޓް/ އައްޑޫ ސިޓީ ކައުންސިލްގެ މައްޗަށް އަނެއްކާވެސް އިބްރާހީމް ޠާހިރު ދަޢުވާކޮށްފައިވެއެވެ. މި ދަޢުވާއަކީވެސް ސެވެންސްޓާރ ގޯއްޗާއި އިންވެގެން އޮތް ގޯޅިގަނޑު އެ ގޯތީގެ ބައެއްކަމަށް ކަނޑައަޅައިދިނުމަށް އެދި އިބްރާހީމް ޠާހިރު ކޮށްފައިވާ ދަޢުވާއެކެވެ.

7. މި މައްސަލައިގެ ދެވަނަ އަޑުއެހުމުގައި އިބްރާހީމް ޠާހިރު ދައްކަން ބޭނުންވާ ވާހަކަ ދެއްކުމުގެ ފުރުސަތެއް ނެތްކަމަށް ބުނެ މި މައްސަލަ ކުރިއަށް ގެންދަން ބޭނުންނުވާކަމަށް ބުނެފައިވާކަމަށް ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 544/S2C/2015 ގަޒިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. އަދި އިބްރާހީމް ޠާހިރު ޝަރީޢަތުގެ މަޖިލިހުން ނިކުންނަން އުޅެފައިވާތީ، އިބްރާހީމް ޠާހިރަށް ނަސޭހަތްތެރިވެފައިވާ ކަމަށް ބަޔާންކޮށް، ޝަރީޢަތްކުރުމާބެހޭ ގޮތުން ހެދިފައިވާ ގަވާއިދު 6 ގެ 15 ވަނަ މާއްދާގެ 4 ވަނަ ނަންބަރާ ހަވާލާދީ، މި މައްސަލަ އިތުރަށް ކުރިއަށް ގެންދެވެން ނެތްކަމަށް ކަނޑައަޅައި، އަދި އޭގެ ފަހުން ގޯޅިގަނޑުގެ މައްސަލަ އިބްރާހީމް ޠާހިރަށް އެކޯޓަށް ހުށަނޭޅޭނެކަމަށާއި އެ ދަޢުވާ އެ ކޯޓުން އިތުރަށް ނުބެލޭނެކަމަށް ކަނޑައަޅައި އެ މައްސަލައިގައި ޙުކުމްކޮށްފައިވެއެވެ.

8. އެ މައްސަލަ ނިންމި މީލާދީ ތާރީޚުކަމަށް އެ ގަޒިއްޔާގައި ބަޔާންކޮށްފައިވަނީ އެ މައްސަލަ ހުށަހެޅުނު ތާރީޚެވެ. ނަމަވެސް ހިޖުރީ ތާރީޚުކަމަށް ބަޔާންކޮށްފައި އޮތް 27 މުޙައްރަމް 1437 އަށް ބަލާނަމަ، އެއީ މީލާދީ ގޮތުން 9 ނޮވެންބަރު 2015 ކަމަށް ބެލެވެއެވެ. އެ މައްސަލަވެސް އެއްވެސް ފަރާތަކުން އިސްތިއުނާފު ކޮށްފައިނުވެއެވެ.

(ނ) ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 378/S2C/2016 ގަޒިއްޔާ

9. އޭގެ ގާތްގަނޑަކަށް 7 މަސް ފަހުން، އަނެއްކާވެސް 14 ޖޫން 2016 ގައި ސެވެންސްޓަރ ކިޔާ ގޯއްޗާއި ޝަޒާ ގޯއްޗާ ދެމެދުގައިވާ ގޯޅިއަކީ ސެވެންސްޓަރ ގޯތީގެ ބައެއްކަމުގައި ބުނެ އެ ބިން ސެވެންސްޓަރ ގޯތީގެ ޗާޓުގައި ހިމަނައި ދިނުމަށް އެދި ލޭންޑް ބިލްޑިންގ އެންޑް މުނިސިޕަލް ސަރވިސް ޑިޕާޓްމަންޓް/އައްޑޫ ސިޓީ ކައުންސިލްގެ މައްޗަށް އިބްރާހީމް ޠާހިރު މައްސަލަ ހުށަހެޅިއެވެ. އެ މައްސަލަ ބެލީ ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 378/S2C/2016 ގަޒިއްޔާއިންނެވެ.

10. އެ މައްސަލައިގައި ޙުކުމްކުރީ ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 544/S2C/2015 ގަޒިއްޔާގައި ސެވެންސްޓަރ ގޯއްޗާ އިންވެގެން އޮންނަ ގޯޅިގަނޑުގެ މައްސަލަ އިބްރާހީމް ޠާހިރުއަށް ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަނޭޅޭނެކަމަށާއި، އެ ދަޢުވާ އިތުރަށް އެ ކޯޓަށް ނުބެލޭނެކަމަށް އެ ގަޒިއްޔާގައި ކަނޑައަޅާފައިވާތީ، އިބްރާހީމް ޠާހިރުގެ ފަރާތުން މިހާރު ހުށަހަޅާފައިވާ މައްސަލަ ކުރިއަށް ގެންދެވެން ނެތްކަމަށް އަންގައި ދަޢުވާ ފޯމް ބާޠިލުކޮށެވެ. ނަންބަރު 378/S2C/2016 ގަޒިއްޔާ ނިންމީ 12 ނޮވެންބަރު 2017 ގައެވެ.

(ރ) ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 203/S2C/2018 ގަޒިއްޔާ

11. އޭގެ ގާތްގަނޑަކަށް 5 މަސް ފަހުން، އިބްރާހީމް ޠާހިރުގެ ފަރާތުން އަނެއްކާވެސް ސެވެންސްޓަރ ގޯއްޗާއި އިންވެގެން އޮންނަ ގޯޅިއަކީ އެ ގޯތީގެ ބައެއްކަމުގައި ކަނޑައަޅައި ދިނުމަށް އެދި ހަތަރުވަނަ ފަހަރަށް ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް މައްސަލަ ހުށަހެޅިއެވެ. އެ މައްސަލަ ބެލީ އެ ކޯޓުގެ ނަންބަރު 203/S2C/2018 ގަޒިއްޔާއިންނެވެ. އެއީ މިހާރު ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައިވާ ހައިކޯޓުގެ ނިންމުން ބިނާވާ ދަށު ކޯޓުގެ ގަޒިއްޔާއެވެ.

12. ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 203/S2C/2018 ގަޒިއްޔާ ހިންގާފައިވަނީ ޝަޒާ ގޯތީގެ ވެރިފަރާތް ކަމުގައިވާ ފާޠިމަތު ޝަޛިއްޔާ ތަދައްޚުލު ކުރުވައިގެންނެވެ. އެ މައްސަލައިގައި ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ނިންމީ އެ ބިމަކީ ސެވެންސްޓްރ ގޯއްޗަށް އޭރުގެ ބިމުގެ ނާޒިރު ދީފައިވާ ބިމެއްކަން ސާބިތުވާކަމަށެވެ. މިގޮތަށް އެ ކޯޓުން ނިންމީ އަންނަނިވި ސަބަބުތަކުގެ މައްޗަށް ބުރަވެއެވެ.

12.1 ކުރިން ނިންމި ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 544/S2C/2015 ގަޒިއްޔާގައި ހުށަހެޅުނު ދަޢުވާގެ މައުލޫއުއަށް ޙުކުމެއްކޮށްފައި ނުވާކަން އެ ގަޒިއްޔާގެ ނިންމުމާއި އެ ނިންމުން ބިނާކުރި ސަބަބަށް ބެލުމުން އެނގޭކަން.

12.2 30 ޑިސެންބަރު 2020 ގައި ސެވެންސްޓަރ ގޯއްޗާއި ޝަޒާ ގޯއްޗާއި ދެމެދުގައިވާ ބިން ގޯޅިއެއް ކަމުގައި ސިޓީ ކައުންސިލުން ކަނޑައަޅާފައިވަނީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ1 39 ވަނަ މާއްދާގެ (ކ) އަދި (ޏ) ގެ ދަށުން ކަމަށް ބަޔާންކޮށްފައިވާއިރު، މި ދެ ނައްސަކީ ސިޓީ ކައުންސިލަށް މީސްމީހުންނާ ޙަވާލުކުރެވިފައި ހުންނަ ބިންބިން ބަދަލު ދިނުމެއް ނެތި ނެގުމަށް ބާރުލިބޭ ނައްސެއް ނޫންކަން ސާފުކޮށް އެނގެން އޮންނަކަން.

12.3 ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނަށް2 ޢަމަލުކުރަން ފެށުމުގެ ކުރިން ޝަޒާ ގޯއްޗާއި ސެވެންސްޓަރ ގޯއްޗާ ދެމެދުގައި އޮތް ބިންކޮޅުގެ މައްސަލަ އޭރުގެ ބިމުގެ ނާޒިރު ނުވަތަ ބިމާބެހޭ އިދާރާއިން ސެވެންސްޓަރ ގޯތީގެ ބައެއްގެ ގޮތުގައި އިތުރުކޮށްދީފައިވާކަން ސާބިތުވާކަން.

މި ސަބަބުތަކުގެ މައްޗަށް ބިނާކޮށް ސެވެންސްޓަރ ގޯއްޗާއި ޝަޒާ ގޯއްޗާއި ދެމެދުގައި އޮތް ޚުޞޫމަތް އުފެދުނު ބިން ގޯޅިއެއް ކަމުގައި އައްޑޫ ސިޓީ ކައުންސިލުން ކަނޑައަޅާފައި އޮތް އޮތުން ބާޠިލުކަމަށާއި، އެ ބިން ސެވެންސްޓަރ ގޯތީގެ ރަޖިސްޓްރީއަށް އިތުރުކޮށްދިނުމަށް އައްޑޫ ސިޓީ ކައުންސިލަށް އަންގާ އަމުރުކޮށް މައްސަލަ ނިންމާފައިވެއެވެ.

ހައިކޯޓުން މައްސަލަ ނިންމިގޮތް

13. ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 203/S2C/2018 ގަޒިއްޔާ ފާޠިމަތު ޝަޛިއްޔާގެ ފަރާތުންނާއި އައްޑޫ ސިޓީ ކައުންސިލްގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފުކުރިއެވެ. ފާޠިމަތު ޝަޛިއްޔާގެ ފަރާތުން އިސްތިއުނާފުކުރުމުން ދެވުނު ގަޒިއްޔާ ނަންބަރަކީ 2021/HC-S-A/23 އަދި އައްޑޫސިޓީ ކައުންސިލްގެ ފަރާތުން އިސްތިއުނާފުކުރުމުން ދެވުނު ގަޒިއްޔާ ނަންބަރަކީ 2021/HC-S-A/37 އެވެ. ދެ ގަޒިއްޔާވެސް ހައިކޯޓުން ބަލައި ހިންގާފައިވަނީ އެކުއެކީގައެވެ.

14. ހައިކޯޓުން އެ މައްސަލައިގައި ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 203/S2C/2018 ގަޒިއްޔާގެ ޙުކުމް ބާޠިލުކޮށްފައިވެއެވެ. އަދި މިގޮތަށް ނިންމީ އަންނަނިވި ސަބަބުތަކުގެ މައްޗަށް ބުރަވެއެވެ.

14.1 ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 544/S2C/2015 ގަޒިއްޔާގެ ޙުކުމުގައި އެ މައްސަލައިގެ ދަޢުވާ ފޯމު ބާޠިލުކުރުމަށްފަހު، ދެން ސެވެންސްޓަރ ގޯއްޗާއި އިންވެގެން އޮންނަ ގޯޅިގަނޑުގެ ދަޢުވާ އިބްރާހީމް ޠާހިރުއަށް ހުށަނޭޅޭނެކަމަށް ކަނޑައަޅައި ޙުކުމްކޮށްފައިވާ ކަމަށާއި، އެ ގަޒިއްޔާ އިބްރާހީމް ޠާހިރުގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފުކޮށްފައި ނުވާކަމަށާއި، އަދި މަތީ މަރުޙަލާގެ ކޯޓަކުން އެ ގަޒިއްޔާގެ ޙުކުމް ބާޠިލުކޮށްފައި ނުވާކަން.

14.2 އެއް ކޯޓަކުން އެއް ވާގިއާއެއް އަދި އެއް މައުލޫއެއް ހިމެނޭ ދަޢުވާއެއްގައި ޤާނޫނީ ހުއްޖަތެއް ނެތި ނުވަތަ ޤަޟާއީގޮތުން އިސްތިޤުރާރުވެފައިވާ އުޞޫލެއްނެތި ދެވަނަ ފަހަރަށް އެ މައްސަލަ ބަލައި ފުރަތަމަ ޙުކުމާ ފުށުއަރާގޮތަށް ދެވަނަ މައްސަލައިގައި ޙުކުމް ކުރެވިގެން ދިއުމަކީ އެއް ކޯޓެއްގެ ޙުކުމް ހަމަ އެ ކޯޓުން ބަދަލުކުރުންކަމާއި، މިއީ ޤާނޫނީ ނިޒާމް ތަރުތީބުވެ ހަމަޖެހިފައިވާ ގޮތާ ޚިލާފުކަމެއްކަން.

14.3 ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 203/S2C/2018 ގަޒިއްޔާ ގައި ބަލާފައިވާ މައްސަލައަކީ އެ ކޯޓުގެ ނަންބަރު 544/S2C/2015 ގަޒިއްޔާގެ ޙުކުމުން އިބްރާހީމް ޠާހިރުއަށް ދެން އެ ކޯޓަށް ހުށަނޭޅޭނެކަމަށް ކަނޑައެޅި މައްސަލަކަމާއި، ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ނ) އަށް ބަލާއިރު، މިއީ އެއް މަރުޙަލާއެއްގެ ކޯޓަކަށް ކުރެވޭނެކަމެއް ނޫންކަން.

14.4 ސުޕްރީމް ކޯޓުގެ ޝަރޫ ލޯންޗް ސަރވިސް ޕްރައިވެޓް ލިމިޓެޑް ވ. ދަ މޮރިޝަސް ކޮމަރޝަލް ބޭންކް (މޯލްޑިވްސް) ޕްރައިވެޓް ލިމިޓެޑް3 ގަޒިއްޔާގެ ވާގިއާތަކާއި މި މައްސަލައިގެ ވާގިއާ ތަފާތުކަމަށްޓަކައި އެ ގަޒިއްޔާގައި ދަޢުވާ ދޫކޮށްލީކަމަށް ނުބެލެވޭނެކަމަށް ކަނޑައަޅާފައިވާ ހަމަ މި މައްސަލައިގައި ތަޠުބީޤުކުރެވިދާނެކަމަށް ނުދެކޭކަން.

ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރެވުނު ނުކުތާތައް

15. ހައިކޯޓުގެ 2021/HC-S-A/23, 37 ނަންބަރު ގަޒިއްޔާ ނިންމާފައިވަނީ ޤާނޫނީ އުޞޫލުތަކާ އެއްގޮތަށް ނޫންކަމަށް ބުނެ އިބްރާހީމް ޠާހިރުގެ ފަރާތުން އެ ނިންމުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރަމުން 5 (ފަހެއް) ނުކުތާއެއް ހުށަހަޅާފައިވެއެވެ. އެ ނުކުތާތަކަކީ؛

15.1 ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ނ) އަށް އޮޅުންއަރާގޮތަށް ހައިކޯޓުން ރިޢާޔަތްކޮށްފައިވުން.

15.2 ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ނ) އަށް ހަވާލާދީ ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 544/S2C/2015 ގަޒިއްޔާއަށް ތާއީދުކޮށް ހައިކޯޓުން ނިންމި ނިންމުން ޤާނޫނުއަސާސީގެ ތިން މާއްދާއަކާ ޚިލާފަށް ނިންމާފައިވާ ނިންމުމެއް ކަމުގައިވުން.

15.3 ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ) ގައި ކަނޑައަޅާފައިވާ މަތީ މަރުޙަލާގެ ކޯޓުތަކުން ނިންމާ ނިންމުމަށް އެއަށްވުރެ ދަށު މަރުޙަލާގެ ކޯޓުތަކުން ތަބާވާންޖެހޭނެކަމަށް އޮންނަ އުޞޫލާ ޚިލާފަށް ނިންމާފައިވާ ނިންމުމެއް ކަމުގައިވުން.

15.4 ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ނ) ޤާނޫނުގައި ބަޔާންކުރެވިފައިވާ އުޞޫލުތަކާ ޚިލާފަށް ބޭނުންކުރުން.

15.5 ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 203/S2C/2018 ގަޒިއްޔާގައި ހިނގަމުން ދިޔަ މައްސަލަ ގަވާއިދުން ކުރިއަށް ގެންދިޔުމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 197-BB/S02C/2019/9 ސިޓީއިން ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް އެންގި އެންގުން ހައިކޯޓުން ނިންމި މައްސަލައިގައި ތަތުބީޤުކޮށްފައި ނުވުން.

ތަދައްޚުލުކުރުވުން

16. ސެވެންސްޓަރ ގޯއްޗާ އިންވެގެން އޮންނަ، ޚުޞޫމާތް އުފެދިފައިވާ ގޯޅިގަނޑާއި އިން ވެގެން އޮންނަނީ ސ. ހިތަދޫ، ޝަޒާ ގޯތި ކަމަށްވެފައި، ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 203/S2C/2018 ގަޒިއްޔާގައިވެސް ޝަޒާ ގޯތީގެ ވެރިފަރާތް، ފާޠިމަތު ޝަޛިއްޔާ، އެ މައްސަލައަށް ތަދައްޚުލު ކުރެވިފައިވާތީ އާއި، އަދި ހައިކޯޓުގައި ފާޠިމަތު ޝަޛިއްޔާއަކީ މައްސަލަ އިސްތިއުނާފުކުރި އެއް ފަރާތް ކަމުގައިވާތީ، މި މައްސަލައިގައި ފާޠިމަތު ޝަޛިއްޔާގެ މަސްލަޙަތެއް އޮތްކަމަށް ޤަބޫލުކުރެވޭތީ، ސުޕްރީމް ކޯޓުގައި ހިނގަމުން މިދާ މައްސަލައަށްވެސް ފާޠިމަތު ޝަޛިއްޔާ ތަދައްޚުލުކުރެވުނެވެ.

މައްސަލައިގެ އެންމެހައި ފަރާތްތަކުން ދެއްކި ވާހަކަ

17. މި މައްސަލަ އިސްތިއުނާފު ކުރަމުން އިބްރާހީމް ޠާހިރުގެ ފަރާތުން ބުނެފައިވަނީ، އެއް ކޯޓަކުން އެއް ވާގިއާއެއް އަދި މައުލޫއެއްގެ މައްޗަށް ނިންމާ މައްސަލަތައް ދެވަނަ ފަހަރަށް ބަލައި ފުރަތަމަ ޙުކުމާ ފުށުއަރާގޮތަށް ނިންމުމަކީ އެއް ކޯޓަކުން ހަމަ އެ ކޯޓެއްގެ ޙުކުމް ބާޠިލުކުރުންކަމަށް ބަޔާންކޮށް ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 203/S2C/2018 ގަޒިއްޔާ ހައިކޯޓުން ބާޠިލުކޮށްފައިވާއިރު، ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 544/S2C/2015 ގަޒިއްޔާއާއި ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 203/S2C/2018 ގަޒިއްޔާއަކީ މުޅިން ތަފާތުކޮށް ހިނގާދިޔަ ދެ މައްސަލަކަމަށެވެ.

18. އެގޮތުން ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 544/S2C/2015 ގަޒިއްޔާގައި މައްސަލައިގެ މައުލޫއުއަށް ޙުކުމެއް ކޮށްފައިނުވާކަމަށާއި، މިކަމަށް ހައިކޯޓުން ރިޢާޔަތް ކޮށްފައިނުވާކަމަށާއި، މައްސަލައިގައި ޙުކުމްކޮށްފައިވަނީ ޣައިރު ހާޒިރުގައި ކަމަށާއި، އެ ގަޒިއްޔާގައި ޙުކުމްކޮށްފައިވާކަން އެނގުނީ ޙުކުމް ކުރިތާ 8 މަސް ފަހުންކަމަށްވާތީ، އެ ޙުކުމް އިސްތިއުނާފުކުރުމުގެ ފުރުޞަތު ނުލިބޭ ކަމަށް އިބްރާހީމް ޠާހިރު އިތުރަށް ބުނެފައިވެއެވެ. އަދި ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 203/S2C/2018 ގަޒިއްޔާ އެ ކޯޓުން ކުރިއަށް ގެންގޮސްފައިވަނީ ސުޕްރީމް ކޯޓުގެ ނަންބަރު 197-BB/S02C/2019/9 ސިޓީއިން އަންގައިގެން ކަމަށާއި، ސުޕްރީމް ކޯޓުން މިގޮތަށް އެންގީ އިންސާފަށް ވާސިލުވުމުގެ ދޮރު ބަންދުވެފައިވާތީ ކަމަށް އިބްރާހީމް ޠާހިރު ބުނެފައިވެއެވެ. އަދި މި ނިންމުމާ ޚިލާފަށް ހައިކޯޓުން ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 203/S2C/2018 ގަޒިއްޔާގެ ޙުކުމް ބާޠިލުކުރުމަކީ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ނ) އާ ޚިލާފުކަމެއް ކަމަށް އިބްރާހީމް ޠާހިރު ދެކެއެވެ.

19. މީގެ އިތުރުން ރެސް ޖުޑިކާޓާ (res judicata) ގެ އުޞޫލުތައް ހައިކޯޓުން ތަޠުބީޤު (apply) ކުރުމުގައި އެ ކޯޓަށް އޮޅުންއަރާފައިވާ ކަމަށާއި، ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 544/S2C/2015 ގަޒިއްޔާގައި ޙުކުމްކޮށްފައިވަނީ ޤާނޫނާ ޚިލާފަށްކަމަށް ފާހަގަކޮށް އިބްރާހީމް ޠާހިރުގެ ފަރާތުން ވާހަކަ ދައްކާފައިވެއެވެ.

20. މި މައްސަލައާ ގުޅިގެން މައްސަލަ ރައްދުވާ އައްޑޫ ސިޓީ ކައުންސިލްގެ ފަރާތުން ބުނެފައިވަނީ ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 544/S2C/2015 ގަޒިއްޔާގައި ހުށަހެޅުނު ދަޢުވާ އިތުރަށް ހުށަނޭޅޭނެކަމަށް ޙުކުމްކޮށްފައިވާއިރު، ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 203/S2C/2018 ގަޒިއްޔާއިން ސެވެންސްޓްރ ގޯއްޗާއި އިންވެގެން އޮންނަ ގޯޅިގަނޑުގެ މައްސަލަ ބަލައި އެ މައްސަލައިގެ މައުލޫއުގައި ޙުކުމްކޮށްފައިވަނީ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ނ) އާ ޚިލާފަށްކަމަށާއި، ހައިކޯޓުން އިސްތިއުނާފުގެ މަރުޙަލާގައި އެ ޙުކުމް ބާޠިލުކޮށްފައިވަނީ ރަނގަޅަށްކަމަށް ދެކޭކަމަށެވެ.

21. މީގެ އިތުރުން، ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 544/S2C/2015 ގަޒިއްޔާ ނިމިފައިވަނީ ޤާނޫނާ ޚިލާފަށްކަމަށް އިބްރާހީމް ޠާހިރުގެ ފަރާތުން ފާހަގަކޮށްފައިވީނަމަވެސް، އެ ގަޒިއްޔާގައި ހުރި ޤާނޫނާ ޚިލާފު ކަންތައްތަކުގެ ވާހަކަ އިސްތިއުނާފުކުރެވޭ މި ގަޒިއްޔާގެ ތެރެއިން ނުދެއްކޭނެކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެއެވެ.

22. މި މައްސަލައަށް ތަދައްޚުލުކުރުވި، ފާޠިމަތު ޝަޛިއްޔާގެ ފަރާތުން ބުނެފައިވަނީ ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 544/S2C/2015 ގަޒިއްޔާގައި ގޯޅިގަނޑުގެ މައްސަލަ ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް ދެން ހުށަނޭޅޭނެކަމަށް ބަޔާންކޮށްފައިވާތީ، ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 544/S2C/2015 ގަޒިއްޔާ އިސްތިއުނާފު ނުކޮށް، ގޯޅިގަނޑުގެ މައްސަލަ އަލުން ދަށު ކޯޓަށް ހުށަހަޅައިގެން ބެލިގެންނުވާނެ ކަމަށެވެ.

އިބްރާހީމް ޠާހިރުގެ ފަރާތުން ފާހަގަކުރާ މައިގަނޑު ޤާނޫނީ ނުކުތާތައް

23. ސުޕްރީމް ކޯޓުގައި މި މައްސަލައިގެ އިސްތިއުނާފީ ނުކުތާތައް ހުށަހަޅައި ޝަރީޢަތް ކުރިއަށް ދިޔައިރު، ސުޕްރީމް ކޯޓުގެ ވަކާލާތު ކުރުމުގެ ހުއްދައޮތް ޤާނޫނީ ވަކީލެއްގެ އެހީތެރިކަމެއް އިބްރާހީމް ޠާހިރު ހޯދާފައިނުވެއެވެ. އަދި މި މައްސަލައަށް ތަދައްޚުލުކުރެވުނު ފާޠިމަތު ޝަޛިއްޔާގެ ފަރާތުންވެސް ކޯޓަށް ހާޒިރުވެފައިވަނީ ޤާނޫނީ ވަކީލެއްގެ އެހީތެރިކަމެއް ނެތިއެވެ. މި މައްސަލައިގައި އިބްރާހީމް ޠާހިރު އިސްތިއުނާފީ 5 ނުކުތާއެއް ހުށަހަޅާފައިވީ ނަމަވެސް، އެ ނުކުތާތަކުގެ ތަފްސީލުގައި ދައްކާފައިވާ ވާހަކަތައް ބަހައިލެވެނީ މައިގަނޑު ތިން މައުލޫއުއަކަށެވެ. އެއީ ފުރަތަމަ ކަމަކަށް، ޚުޞޫމާތް އުފެދިފައިވާ ގޯޅިގަނޑަކީ ސެވެންސްޓާރ ގޯތީގެ ބައެއްކަމަށް ބުނާ ބުނުމާއި، ދެވަނަ ކަމަކަށް ސުޕްރީމް ކޯޓުން މައްސަލަ ކުރިއަށް ގެންދިއުމަށް ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް އެންގި އެންގުމާއި، އަދި ތިންވަނަ ކަމަކަށް، ރެސް ޖުޑިކާޓާގެ މަބްދައު ތަޠުބީޤުކޮށްފައިވަނީ ރަނގަޅަށްކަން ނުވަތަ ނޫންކަމާ މެދުގައެވެ.

ސުޕްރީމް ކޯޓަށް މި މައްސަލައިގެ މައުލޫއުއާ ގުޅޭ ގޮތުން ގޮތެއް ކަނޑައެޅިދާނެތޯ

24. އިބްރާހީމް ޠާހިރުގެ ފަރާތުން ހުށަހެޅި ބައެއް އިސްތިއުނާފީ ނުކުތާތަކުގެ ތަފްސީލުގައި ޖުމްލަ ގޮތެއްގައި ބަޔާންކޮށްފައިވަނީ ސެވެންސްޓާރ ގޯއްޗާއި ޝަޒާ ގޯއްޗާ ދެމެދު އޮތް ގޯޅިގަނޑަކީ ސެވެންސްޓާރ ގޯތީގެ ބައެއް ކަމަށެވެ.

25. ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 203/S2C/2018 ގަޒިއްޔާގައި މި މައްސަލައިގެ މައުލޫއުއަށް ޙުކުމެއްކޮށް، ދެ ގޯތި ދެމެދު އޮތް ގޯޅިގަނޑަކީ ސެވެންސްޓާރ ގޯތީގެ ބައެއްކަމަށް ކަނޑައަޅައި، އެތަންކޮޅު ސެވެންސްޓާރ ގޯތީގެ ރަޖިސްޓްރީއަށް އިތުރުކޮށްދިނުމަށް އައްޑޫ ސިޓީ ކައުންސިލްގެ މައްޗަށް އަންގައި އަމުރުކޮށްފައިވެއެވެ.

26. ސުޕްރީމް ކޯޓުގައި މިހާރު އިސްތިއުނާފު ކުރެވޭ ހައިކޯޓުގެ 2021/HC-S-A/23, 37 ނަންބަރު ގަޒިއްޔާގައި ޙުކުމްކޮށްފައިވަނީ ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 203/S2C/2018 ގަޒިއްޔާގައި މި މައްސަލައިގެ މައުލޫއުގެ މައްޗަށް ގޮތެއް ކަނޑަނޭޅޭނެކަމަށެވެ. ސަބަބަކީ އެ ކޯޓުން އެއިގެ ކުރިން ނިންމާފައިވާ އެހެން ގަޒިއްޔާއަކުން އެ ގޯޅިގަނޑާގުޅޭ މައްސަލަ ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ބެލުން މަނާކުރާ ޙުކުމެއް އޮންނާތީއެވެ.

27. ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު4 (މީގެ ފަހުން "ކޯޓުތަކުގެ ޤާނޫނު") ގެ 16 ވަނަ މާއްދާގައި ހައިކޯޓުގެ ޙުކުމެއް އިސްތިއުނާފުކުރެވޭނެ ހާލަތްތައް ބަޔާންކޮށްފައިވެއެވެ. އެގޮތުން، ހައިކޯޓުގެ ނިންމުމެއް ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރެވޭނީ؛

(ހ) ހައިކޯޓުގެ ޙުކުމް ނުވަތަ ނިންމުން ބިނާވަނީ ޤާނޫނާ ޚިލާފަށްކަމަށް ޤަބޫލުކުރެވޭ ސަބަބުތަކެއް ހުރުމުން، ނުވަތަ ޤާނޫނު ތަޠުބީޤުކުރުމުގައި ނުވަތަ މާނަކުރުމުގައި ކުށެއް ހެދިފައިވާކަމަށް ޤަބޫލުކުރެވޭ ސަބަބުތަކެއް ހުރުމުން

(ށ) ހައިކޯޓުގެ ޙުކުމުގެ ނުވަތަ ނިންމުމުގެ ކުރިއަށް އައި އިޖުރާއަތެއްގައި ހިމެނުނު އަންނަނިވި ބާވަތްތަކުންކުރެ ބާވަތެއްގެ ޢައިބެއްގެ ސަބަބުން އެ ޙުކުމަށް ނުވަތަ ނިންމުމަށް އަސަރު ފޯރުވި އިޖުރާއަތަކީ ބާޠިލު އިޖުރާއަތެއް ކަމުގައިވުން؛

(1) އަޑުއެހުން ބޭއްވުމަށް ޤާނޫނުގައި ކަނޑައެޅިފައިވާ ގޮތާ ޚިލާފުވެފައިވާކަމަށް ޤަބޫލުކުރެވޭ ސަބަބުތަކެއް ހުރުން

(2) ޙުކުމްކުރި ނުވަތަ ނިންމުން ނިންމި ފަނޑިޔާރަކީ އެ މައްސަލައެއް ބެލުމަށް ޝަރުޢީ ނުވަތަ ޤާނޫނީ ގޮތުން ހުރަސްއަޅާފަދަ ސަބަބެއް މެދުވެރިވެފައިވާ ފަނޑިޔާރަކު ކަމުގައިވުން

(3) ކޯޓުގެ ސިއްކަ ޖަހަންޖެހޭ ލިޔުމެއްގައި އެ ސިއްކަ ޖަހާފައި ނެތުން، ނުވަތަ ޙުކުމްކުރި ނުވަތަ ނިންމުން ނިންމި ފަނޑިޔާރެއްގެ ސޮއި ނެތުން

(4) ޙުކުމުގެ ނުވަތަ ނިންމުމުގެ ސަބަބުތައް ބަޔާންވެފައި ނެތުން

28. ކުރިންވެސް ފާހަގަކުރި ފަދައިން، މި މައްސަލައިގެ މައުލޫއުއާ ގުޅޭ ގޮތުން ހައިކޯޓުން ގޮތެއް ކަނޑައަޅާފައިނުވެއެވެ. ދަށު ކޯޓުގައި މި މައްސަލައިގެ މައުލޫއުއާ ގުޅޭ ގޮތުން ޙުކުމެއް އޮތް ނަމަވެސް ކޯޓުތަކުގެ ޤާނޫނު ބަޔާންކުރާ ގޮތުން، މި މަރުޙަލާގައި ބެލޭނީ ހައިކޯޓުގެ ނިންމުން ބިނާވާ ސަބަބުތަކުގެ މައްޗަށެވެ. އެހެންކަމުން، ހައިކޯޓުން ގޮތް ކަނޑަނާޅާ ކަމެއްގައި ސުޕްރީމް ކޯޓަކަށް ގޮތެއް ނުނިންމޭނެއެވެ.

ސުޕްރީމް ކޯޓުން ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް އެންގި އެންގުން

29. ސުޕްރީމް ކޯޓަށް މި މައްސަލައާ ގުޅިގެން ހުށަހެޅިފައިހުރި ލިޔެކިޔުންތަކަށް ރިޢާޔަތްކުރާއިރު 26 ނޮވެންބަރު 2018 ގައި އިބްރާހީމް ޠާހިރު ސުޕްރީމް ކޯޓަށް ސިޓީއެއް ފޮނުވާފައިވެއެވެ. އެ ސިޓީގައި އިބްރާހީމް ޠާހިރުގެ މައިގަނޑު ޝަކުވާއަކަށްވީ ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 544/S2C/2015 ގަޒިއްޔާގައި އިބްރާހީމް ޠާހިރަށް ސެވެންސްޓާރ އާއި ޝަޒާ ގޯއްޗާ ދެމެދު އޮތް ގޯޅިގަނޑުގެ މައްސަލަ ހުށަހެޅުން މަނާކޮށްފައިވާތީ، އެ ފަހުން އިބްރާހީމް ޠާހިރު ހުށަހެޅި ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 378/S2C/2016 ގަޒިއްޔާވެސް ކުރިއަށް ގެންގޮސްފައި ނުވާތީ، އިބްރާހީމް ޠާހިރު ދަޢުވާކުރާ އިންވަކިކުރުމުގެ މައްސަލައަށް ޝަރީޢަތުން ހައްލެއް ނުލިބޭތީ އެކަމުގެ ޝަކުވާއެވެ. އަދި މިކަމާގުޅޭ ދަޢުވާ ހިތަދޫ މެޖިސްޓްރޭޓް ކޯޓުގައި ބެލޭނެގޮތް ހަމަޖައްސައިދިނުމަށް ސުޕްރީމް ކޯޓުގައި އިބްރާހީމް ޠާހިރު އެދިފައިވެއެވެ.

30. 25 މާރޗް 2019 ގައި ސުޕްރީމް ކޯޓުން އިބްރާހީމް ޠާހިރު ފޮނުވި ސިޓީގެ ޖަވާބުދީފައިވެއެވެ.5 އެ ޖަވާބުގައި ބަޔާންކޮށްފައިވަނީ އިބްރާހީމް ޠާހިރުގެ ފަރާތުން ސުޕްރީމް ކޯޓުގެ ބެލެނިވެރިކަމުގެ އިޚްތިޞާޞްގެ ދަށުން ހުށަހެޅި ޝަކުވާގެ މައްސަލަ ސުޕްރީމް ކޯޓުން ބެލުމަށްފަހު މައްސަލަ އަވަސްކުރުމަށް ގަވާއިދުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ސ. ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް އަންގާފައިވާކަމަށެވެ.

31. އެއަށްފަހު 28 އެޕްރީލް 2019 ގައި ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ސުޕްރީމް ކޯޓަށް ސިޓީއެއް ފޮނުވާފައިވެއެވެ.6 އެ ސިޓީގައި އިބްރާހީމް ޠާހިރު ކޯޓަށް މައްސަލަ ހުށަހެޅުން މަނާކުރި ގަޒިއްޔާ ކަމުގައިވާ ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 544/S2C/2015 ގަޒިއްޔާގެ ޙުކުމާއި އެ ގަޒިއްޔާގެ ޙުކުމުގެ ގޮތުގައި މައްސަލަ ބެލި ވ. ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓް މުޙައްމަދު ރާޣިބު އަޙްމަދު ސޮއިކޮށްފައިވާ ޙުކުމުގައި ތަފާތުތަކެއް ވާކަމަށް ފާހަގަކޮށްފައިވެއެވެ. އަދި އެ ގަޒިއްޔާގައި 9 ޑިސެންބަރު 2015 ގައި އިބްރާހީމް ޠާހިރު ދީފައިވާ ބަޔާނަށް ބަލާއިރު، އެ މައްސަލަ ކުރިއަށް ގެންދަން ބޭނުންނުވާ ސަބަބެއްކަމުގައި އޮތީ ޝަރީޢަތުގެ މަޖިލިހުގައި އިބްރާހީމް ޠާހިރު ދައްކަން ބޭނުންވި ވާހަކަތައް ދެއްކުމުގެ ފުރުސަތު ނެތުމުންކަމަށް ބަޔާންކޮށްފައިވާކަމަށް ފާހަގަކޮށްފައިވެއެވެ. އަދި އެ މައްސަލައިގައި އެ މައްސަލައަށް ތަދައްޚުލުވެފައިވާ ޝަޒާ ގޯތި ހަވާލުކުރެވިފައިވާ ފަރާތުގެ ބަހެއް އަދި ދައުލަތުގެ ބަހެއްވެސް އިބްރާހީމް ޠާހިރު މައްސަލަ ކުރިއަށް ގެންދަން ބޭނުންނުވާކަމަށް ބުނުމުން، ނަގާފައިނުވާ ކަމަށް ފާހަގަކޮށްފައިވެއެވެ.

32. ބުނެވިދިޔަ ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ ސިޓީގައި ސެވެންސްޓާރ ގޯއްޗާއި ޝަޒާ ގޯއްޗާއި ދެގޯތީގެ އިމުގެ މައްސަލައަކީ 1999 އިން ފެށިގެން ހައްލުނުކުރެވި ދައުލަތުގެ ކަމާބެހޭ ފަރާތްތަކުގެ މެދުގައި ހިނގާ މައްސަލައަކަށްވާތީ، ޝަރުޢީ މަރުޙަލާގައި އެ މައްސަލަ މައުލޫއީ ގޮތުން ބަލައި، ފައިސަލާކުރަނިވި ޙުކުމެއް ކުރަންޖެހޭ މައްސަލައެއްކަމަށް އެ ކޯޓުން ދެކޭތީ، އެ މައްސަލަ ބަލައިގަނެ އެ ކޯޓުގައި މައްސަލަ ހިންގަން ފަށާފައިވާކަމަށް ބަޔާންކޮށްފައިވެއެވެ. އަދި ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 544/S2C/2015 ގަޒިއްޔާގައި އެ މައްސަލަ އިބްރާހީމް ޠާހިރަށް ދެން ހުށަނޭޅޭނެކަމަށް ކަނޑައަޅާފައިވާތީ، އެކަމާމެދު ސުޕްރީމް ކޯޓުން ގޮތެއް ކަނޑައަޅައިދިނުމަށް އެދިފައިވެއެވެ.

33. 16 ޖޫން 2019 ގައި ސުޕްރީމް ކޯޓުން ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް ޖަވާބުދީފައިވެއެވެ.7 އެ ސިޓީގައި ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ފޮނުވި ސިޓީއާ ހަވާލާދިނުމަށްފަހު ބަޔާންކޮށްފައިވަނީ

"ޙަވާލާދެވުނު ސިޓީގައި ބަޔާންކުރައްވާފައިވާ ކަންކަމަށް ބެލުމަށްފަހު، އިބްރާހީމް ޠާހިރުގެ ފަރާތުން ސ. ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅާފައިވާ ސ. ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 203/S2C/2018 ޤަޟިއްޔާއިން ބަލަމުންދާ މައްސަލަ ތިޔަ ކޯޓުން ޤަވާޢިދުން ކުރިއަށް ގެންދިއުމަށް ދެންނެވުމަށް، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ނިންމަވާފައިވާތީ، މި ވާހަކަ ދެންނެވީމެވެ."

މިގޮތަށް ބަޔާންކޮށް، އެއިރުގެ ރަޖިސްޓްރާރގެ މަސްއޫލިއްޔަތާ ހަވާލެވެހުރި މުވައްޒަފު ސޮއިކޮށްފައިވެއެވެ.

34. 7 ޖުލައި 2021 ގައި ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 203/S2C/2018 ގަޒިއްޔާގައި ސެވެންސްޓަރ ގޯއްޗާއި ޝަޒާ ގޯތީގެ އިންވަކިކުރުމާ ގުޅޭގޮތުން މައްސަލައިގެ މައުލޫއުއަށް ޙުކުމެއް ކޮށްފައިވެއެވެ.

35. އިބްރާހީމް ޠާހިރުގެ ފަރާތުން މިހާރު ސުޕްރީމް ކޯޓުގައި ހިނގަމުންދާ އިސްތިއުނާފާ ގުޅިގެން ބުނެފައިވަނީ، ސުޕްރީމް ކޯޓުން މައްސަލަ ކުރިއަށް ގެންދިއުމަށް ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް އަންގާފައިވަނިކޮށް، ސުޕްރީމް ކޯޓުގެ އެންގުމާ ޚިލާފަށް، ހައިކޯޓުން ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 544/S2C/2015 ގަޒިއްޔާއާ ހަވާލާދީ، އެ ކޯޓުގެ ނަންބަރު 203/S2C/2018 ގަޒިއްޔާ ކުރިއަށް ނުގެންދެވޭނެކަމަށް ކަނޑައަޅާފައިވަނީ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ނ) އާއި (ރ) އާ ޚިލާފަށް ކަމަށެވެ.

36. ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވަނީ "ކޮންމެ ކޯޓަކަށްމެ އެ ކޯޓެއް ހިމެނޭ މަރުޙަލާއަށްވުރެ ދަށު މަރުޙަލާއެއްގެ ކޯޓަކުން ނިންމާ ނިންމުން ބަދަލުކުރުމުގެ ބާރު ލިބިގެންވެއެވެ" މިހެންނެވެ. އަދި އެ މާއްދާގެ (ރ) ގައި "މަތީ މަރުޙަލާގެ ކޯޓުތަކުން ނިންމާ ނިންމުންތަކަށް އެއަށްވުރެ ދަށު މަރުޙަލާގެ ކޯޓުތަކުން ތަބާވާންވާނެއެވެ." މިހެންނެވެ.

37. ސުވާލަކީ ސުޕްރީމް ކޯޓުން 16 ޖޫން 2019 ގައި ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް ފޮނުވާފައިވާ ސިޓީއަކީ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ނ) އާއި (ރ) ތަޠުބީޤުކުރެވިދާނެ ފަދަ ހާލަތެއް ހެއްޔެވެ؟

ކޯޓުތައް ތަރުތީބުކުރެވިފައިވާ ގޮތާއި އިޚްތިޞާޞް

38. ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 141 ވަނަ މާއްދާގެ (ހ) ގައި ޢަދުލު އިންޞާފު ޤާއިމުކުރުމުގެ ބާރުތަކުގެ ތެރޭގައި ހިމެނޭ ސުޕްރީމް ކޯޓާއި ހައިކޯޓާއި އަދި ދަށު ކޯޓުތައް ދަރަޖަކޮށް ތަރުތީބު ކުރެވިފައިވާއިރު، ކޮންމެ ކޯޓަކަށް ލިބިދެވޭ އިޚްތިޞާޞް (jurisdiction) ކޯޓުތަކުގެ ޤާނޫނުގައި ބަޔާންކޮށްފައިވެއެވެ.8

39. ކޯޓުތަކުގެ ޤާނޫނުގެ ހަތަރުވަނަ ބާބުގައި ދަށު ކޯޓުތަކަކީ ކޮބައިކަން ބަޔާންކޮށްފައިވެއެވެ. އެގޮތުން، ދަށު ކޯޓުކަމަށް ކޯޓުތަކުގެ ޤާނޫނުގެ 52 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ ފުރަތަމަ މަރުޙަލާގައި މައްސަލަ ބެލުމަށް ޤާނޫނުއަސާސީއިން ނުވަތަ ޤާނޫނުން އެހެން ކޯޓަކާ ހަވާލުކޮށްފައިނުވާ މައްސަލަތައް ފުރަތަމަ މަރުޙަލާގައި ބެލުމަށް ކޯޓުތަކުގެ ޤާނޫނުން އުފައްދާ ކޯޓުތައްކަމަށެވެ.9 ކޯޓުތަކުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުން، ދަށު ކޯޓުތައް ބެހިގެންވަނީ މަތީ ގިންތިއަކަށާއި ތިރީ ގިންތިއަކަށެވެ.10

40. މަތީ ގިންތީ ކޯޓުތަކަކީ މާލޭގައި ޤާއިމުވެފައިވާ ސުޕީރިއަރ ކޯޓުތައް ކަމުގައިވާއިރު، ތިރީ ގިންތީގެ ކޯޓުތަކަކީ އެކި ރަށްރަށުގައި ޤާއިމުވެފައިވާ މެޖިސްޓްރޭޓް ކޯޓުތަކެވެ.11 މިދެ ގިންތީގެ ކޯޓުތަކަށް ބެލޭނެ މައްސަލަތައް ޤާނޫނުގައި ތަފްސީލު ކުރެވިފައިވާއިރު، މީގެން ކޯޓަކުން ނިންމާ މައްސަލައެއް އެއީ ޤާނޫނުއަސާސީއާ ނުވަތަ ޤާނޫނަކާ ނުވަތަ ޤާނޫނަކުން ބާރު ލިބިގެން ހަދާފައިވާ ގަވާއިދަކާ ޚިލާފަށް ނިންމާފައިވާ މައްސަލައެއް ކަމުގައި ޤަބޫލުކުރެވޭނަމަ، އެ މައްސަލައެއް އިސްތިއުނާފު ކުރެވެން އޮތީ ހައިކޯޓުގައެވެ. އިސްތިއުނާފުގެ މަގުން ނޫން ގޮތަކަށް ދަށު ކޯޓަކުން ނިންމާ މައްސަލައެއް ހައިކޯޓަށް ބަދަލުކުރުމުގެ ފުރުސަތެއް ނެތެވެ.12

41. ހަމަ އެފަދައިން، ކޯޓުތަކުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ ސުޕްރީމް ކޯޓުގެ އިޚްތިޞާޞަށް ބަލާނަމަ، ސީދާ ދަށު ކޯޓުގެ ނިންމުމެއް ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރުމުގެ އިޖުރާއަތެއް ޤާނޫނު ނުދަނެއެވެ. ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރެވޭނީ ހައިކޯޓުގެ ނިންމުމެކެވެ.13 އަދި ހައިކޯޓުގެ ނިންމުމެއްވެސް އިސްތިއުނާފު ކުރެވޭނީ އެ ނިންމުމަކީ އެއީ ޤާނޫނުއަސާސީއާ ނުވަތަ ޤާނޫނަކާ ނުވަތަ ޤާނޫނަކުން ބާރު ލިބިގެން ހަދާފައިވާ ގަވާއިދަކާ ޚިލާފުކަމަށް ޤަބޫލުކުރެވިގެން ހުށަހެޅޭނަމައެވެ.

42. ޤާނޫނުއަސާސީގެ 141 ވަނަ މާއްދާގައި ބަޔާންކުރާ ޢަދުލު އިންސާފު ޤާއިމުކުރުމުގެ ބާރު ބިނާވެގެން އަންނަނީ ކޯޓުތަކުގެ މި ތަރުތީބުގެ މައްޗަށެވެ. ބުނެވިދިޔަ މާއްދާގެ (ށ) ގައި ޢަދުލު އިންސާފު ޤާއިމުކުރުމުގެ އެންމެ އިސް ފަރާތަކީ ސުޕްރީމް ކޯޓުކަމަށް އޮންނަ އޮތުމުގެ މާނައަކީ މުތުލަޤަށް ދަށު ކޯޓުތަކުގައި ހިނގަހިނގާ ހުންނަ މައްސަލަތަކަށް މި ކޯޓުން ގޮތް ކިޔާ، މައްސަލަ ނިންމަންވާ ގޮތުގެ ލަފާދީ، ސުޕްރީމް ކޯޓުގެ ކޮންމެ ޢަމަލެއް ފަހުބަހަށްވުމެއް ނޫނެވެ.

43. ސުޕްރީމް ކޯޓަކީ ފަހުބަސް ބުނާ ކޯޓުކަމަށް އޮންނަ އޮތުމުގެ މާނައަކީ ޤާނޫނު ދަންނަ އިޖުރާއަތްތަކުގެ ތެރެއިން، ޤާނޫނާ އެއްގޮތްވާ ގޮތުގެ މަތިން ކޯޓުން ނިންމާ ޤަޟާއީ (judicial) ނިންމުންތައް އެއަށްވުރެ ދަށު މަރުޙަލާގެ އެންމެހައި ކޯޓުތަކަށް ތަބާވުން ލާޒިމުވެގެން ދިޔުމެވެ. އެހެނީ، ޤާނޫނުއަސާސީގެ 142 ވަނަ މާއްދާގައި ފަނޑިޔާރުން ޢަމަލުކުރުން ލާޒިމުވަނީ ޤާނޫނުއަސާސީއަށާއި ޤާނޫނަށް ކަމުގައިވާއިރު، ކޮންމެ ބާރެއްވެސް ބޭނުންކުރެވޭނީ ޤާނޫނުގެ ހުދޫދުގެ ތެރެއިން ޤާނޫނު ދަންނަ އިޖުރާއަތްތަކާ އެއްގޮތްވާގޮތުގެ މަތިންނެވެ.

44. ތިލަކޮށް ބުނާނަމަ، ދަށު ކޯޓުގެ ޙުކުމެއް ބަދަލު ކުރެވޭނީ އެއަށް ވުރެ މަތީ މަރުޙަލާ ކޯޓެއްގެ ޙުކުމަކުންނެވެ. ސިޓީއަކުން، ފޯނު ކޯލަކުން ނުވަތަ އެންގުމަކުން ނޫނެވެ. އެއްވެސް ކޯޓަކުން ޙުކުމެއް ކުރުމަށްފަހު، އެ ޙުކުމް އިސްތިއުނާފު ނުކޮށް އޮތްނަމަ، އެ ޙުކުމް ނިހާއީ ޙުކުމަކަށް ބަދަލުވެގެންދާނެއެވެ. ނިހާއީވުމުގެ މާނައަކީ އެ ޙުކުމުގެ ބާރު އެގޮތުގައި ދެމިއޮވެ، އެ ޙުކުމާ ގުޅޭ އެންމެހައި ފަރާތްތަކުން އެ ޙުކުމާ އެއްގޮތަށް ޢަމަލުކުރުން ލާޒިމުވެގެން ދިޔުމެވެ. މިއީ ޤާނޫނު ނުބައިކޮށް ތަޠުބީޤުކޮށް، ޤާނޫނީ ގޮތުން އެންމެ އެދެވިގެންވާ ޙުކުމަކަށް ނުވިޔަސް އެ ޙުކުމެއް ނިހާއީވުމުން ކަން އޮތް ގޮތެވެ.

45. ދަށު ކޯޓަކުން ނިންމާ މައްސަލައެއް ނިމުނު ގޮތް ކަމުނުގޮސްގެން އަނެއްކާ ހަމަ އެ ދަޢުވާ އެ ކޯޓަށް ހުށަހަޅައި ހަމަ އެ މައްސަލައިގައި ތަފާތު ޙުކުމެއް ނެރެންވެއްޖެނަމަ، ޤާނޫނާއި ކޯޓުތަކުގެ ޙުކުމުގެ ބާރު ކެނޑިގެންދާނެއެވެ. އެއް މުއާމަލާތަކާ ގުޅިގެން ތަފާތު އެތައް ޙުކުމެއް ހުރެދާނެއެވެ. އިސްތިއުނާފު ކުރުމުގެ މަގު އޮންނަ ސަބަބަކީ މިއެވެ.

46. ދަށު ކޯޓަކަށް ހުށަހެޅިފައި އޮތް މައްސަލައެއްގައި ޢަމަލުކުރަންވާ ގޮތް ޤާނޫނުގެ ހުދޫދުގެ ތެރެއިން ނިންމާ ޤަޟާއީ ނިންމުމެއްގެ ތެރެއިން ދޭ އިރުޝާދަކުން މެނުވީ ސުޕްރީމް ކޯޓަކަށްވެސް އަދި ހައިކޯޓަކަށްވެސް ނޭންގޭނެއެވެ. އަދި ކިއެއްތަ؟ އެފަދަ މައްސަލައެއް ހިންގަންވީތޯ ނުވަތަ ނޫންތޯވެސް ދަށު ކޯޓަކުން ސުވާލުކޮށް މަތީ މަރުޙަލާ ކޯޓެއްގެ ލަފައަށް އެދި ހުށަހަޅައިގެން ނުވާނެއެވެ. ދަށު ކޯޓަކުން މައްސަލަ ކޮންމެ ގޮތަކަށް ނިންމިއަސް، އެ މައްސަލަ ޤާނޫނީ އުޞޫލުތަކާ ޚިލާފުވާނަމަ، އެ މައްސަލަ ހައިކޯޓަށް އިސްތިއުނާފުކުރުމުގެ ހައްޤު މައްސަލައިގެ މަސްލަޙަތު އޮތް ކޮންމެ ފަރާތަކަށް ލިބިގެންވެއެވެ. ހަމަ އެފަދައިން، ހައިކޯޓުގައި އިސްތިއުނާފުކޮށްފައި އޮތް މައްސަލައެއް އެއީ ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ނިންމާފައިވާ މައްސަލައެއް ކަމުގައި ޤަބޫލުކުރެވޭނަމަ، އިސްތިއުނާފު ކުރުމުގެ އިޖުރާއަތްތަކުގެ ތެރެއިން ޝަކުވާ ހުށަހަޅާ ފަރާތަށް ހައްލު ހޯދުމުގެ ފުރުސަތު އެބައޮތެވެ.

47. އެހެންކަމުން، ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ނ) އާއި (ރ) ތަޠުބީޤުކުރެވޭނީ ޤާނޫނުގައި ބަޔާންކުރާ އިޖުރާއަތްތައް ހިނގާ ނިންމުންތަކަށެވެ.

48. ހުށަހެޅިފައިމިވާ މައްސަލައިގައި 16 ޖޫން 2019 ގައި ސުޕްރީމް ކޯޓުން ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް ފޮނުވާފައިވާ ސިޓީގައި14 ބަޔާންކޮށްފައިވަނީ މައްސަލަ ގަވައިދުން ކުރިއަށް ގެންދިޔުމަށެވެ. އެއްކޮޅުން މި އިބާރާތްކޮޅުން މައްސަލައިގެ މައުލޫއުއަށް ޙުކުމެއް ކުރުން މާނަކުރެވެން އޮތްއިރު، އަނެއް ކޮޅުން، މައްސަލައިގައި ވަކި ގޮތަކަށް ޢަމަލުކުރުމަށް ސުޕްރީމް ކޯޓުން އިރުޝާދު ނުދޭކަމަށް މާނަކުރެވިދާނެއެވެ. ކޮންމެ މައްސަލައެއްވެސް ކޯޓުގައި ރަޖިސްޓްރީކޮށް ގަޒިއްޔާ ނަންބަރެއް ދެވުމާއެކު، އެ މައްސަލައިގައި ގޮތެއް ކަނޑައަޅައި މައްސަލަ ނިންމަންޖެހެއެވެ. ދަށު ކޯޓަކަށް މައްސަލަ ގޯސްކޮށް ނިންމިއްޖެނަމަ، ހައިކޯޓުން އެކަން އިސްލާހުކުރުމުގެ ފުރުސަތު ލިބިދެވެއެވެ. އަދި ހައިކޯޓުން މައްސަލަ ގޯސްކޮށް ނިންމައިފިނަމަ، ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުގެ އިޖުރާއަތްތަކުގެ ތެރެއިން މައްސަލައަށް ހައްލެއް ލިބިދެވިދާނެއެވެ.

49. 16 ޖޫން 2019 ގައި ސުޕްރީމް ކޯޓުން ފޮނުވާފައިވާ ސިޓީއަކީ ކޯޓުތަކުގެ ޤާނޫނުގައި ދަށު ކޯޓުތަކަށް ހުށަހެޅޭ މައްސަލަތައް ބެލުމުގެ އިޖުރާއަތްތަކުގެ ބޭރުން، އަދި އިސްތިއުނާފީ މައްސަލަތަކުގައި ހައިކޯޓުންވެސް ދަށު ކޯޓުގެ މައްސަލައަކަށް ގޮތް ކަނޑައެޅުމަށް އޮންނަ އިޖުރާއަތުގެ ބޭރުން އަންގާފައިވާ އެންގުމެކެވެ. އެހެން ގޮތަކަށް ބުނާނަމަ އެ ސިޓީގައި ސުޕްރީމް ކޯޓުން އަންގާފައިވާ އެންގުމަކީ ޤަޟާއީ ނިންމުމެއް ނޫނެވެ. އަދި މިއީ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ) ގެ ބޭނުމަށްޓަކައި އެއަށް ޢަމަލުކުރުން ލާޒިމު ނިންމުމެއް ކަމުގައި އަހުރެން ނުދެކެމެވެ. އަދި ސުޕްރީމް ކޯޓުން އެގޮތަށް އަންގާފައިވަނީ ޤާނޫނުއަސާސީގެ 142 ވަނަ މާއްދާގެ (ނ) ގެ ދަށުން ބާރުލިބިގެން ކަމުގައިވެސް އަހުރެން ނުދެކެމެވެ. ސަބަބަކީ އެ އަކުރުގެ ދަށުން މަތީ މަރުޙަލާގެ ކޯޓަކަށް އެއަށްވުރެ ދަށު މަރުޙަލާ ކޯޓެއްގެ ނިންމުމަކަށް ބަދަލު ގެނެވޭނީ ޤާނޫނު ދަންނަ އިސްތިއުނާފުކުރުމަށް ހަމަޖެހިފައިވާ އިޖުރާއަތްތަކުގެ ތެރެއިން ކަމުގައިވާތީއެވެ.

50. ސުޕްރީމް ކޯޓުވެސް ހިމެނޭގޮތުން، ކޯޓުތަކުން ބަލާ ހުރިހާ މައްސަލަތަކެއްވެސް ބަލަންވާނީ ދިވެހިރާއްޖޭގެ ޤާނޫނުއަސާސީ އާއި ޤާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތިންކަން ޤާނޫނުއަސާސީގެ 142 ވަނަ މާއްދާއިންނާއި ކޯޓުތަކުގެ ޤާނޫނު ގެ 3 ވަނަ މާއްދާއިން އެނގެން އޮވެއެވެ. ވުމާއެކު، މަތީ މަރުޙަލާގެ ކޯޓުތަކުން ނިންމާ ނިންމުންތަކަށް ދަށު މަރުޙަލާގެ ކޯޓުތަކުން ތަބާވާންޖެހެނީ އެ ނިންމުމަކީ ދިވެހިރާއްޖޭގެ ޤާނޫނުއަސާސީއާއި ޤާނޫނުތައް ދަންނަ އިޖުރާއަތްތަކުގެ ތެރެއިން ނިންމާފައިވާ ނިންމުން ކަމުގައިވާނަމައެވެ. ޤާނޫނުގައި ޢަމަލުކުރުމަށް ކަނޑައެޅިފައިވާ އިޖުރާއަތާ ޚިލާފަށް އަމުރު ކުރުމުގެ ބާރު ސުޕްރީމް ކޯޓަށްވެސް ލިބިގެންނުވާކަމަށް މީގެ ކުރިން މި ކޯޓުން ނިންމާފައިވާ އެސްޓޭޓް އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑް ވ. އުސާމަތު އިސްމާޢީލް15 ގަޒިއްޔާގައާއި އަދި ސަޢުދު ޙުސައިން ވ. ޝީޒާ މޫސާ16 ގަޒިއްޔާގައި ބަޔާންކޮށްފައިވާނެއެވެ. އަދި ދިވެހިރާއްޖޭގެ ޤާނޫނުއަސާސީއާއި ޤާނޫނުތައް އެއްފަރާތްކޮށް ނިންމާފައިވާ ނިންމުމެއްކަން ފާޅުކަން ބޮޑުގޮތެއްގައި ފެންނާން އޮތް ނަމަ، އެއާ އެއްގޮތަށް ޢަމަލުކުރުން ދަށުކޯޓުތަކަށް ލާޒިމުނުވާކަން މި ކޯޓުގެ އިބްރާހީމް ޢަބްދުއްލަޠީފް ވ. އޯނަސް ޕްރައިވެޓް ލިމިޓެޑް17 ގަޒިއްޔާ އާއި އެސްޓޭޓް އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑް ވ. އުސާމަތު އިސްމާޢީލް ގަޒިއްޔާ ފަދަ މައްސަލަތަކުން އެނގެއެވެ.

51. ވުމާއެކު، އިބްރާހީމް ޠާހިރުގެ ފަރާތުން ހުށަހެޅި ނުކުތާގައި ސުޕްރީމް ކޯޓުން ފޮނުވި ސިޓީއަށް ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ތަބާވުން ލާޒިމުކަމަށް ބަޔާންކޮށްފައިވަނީ ޤާނޫނީ އުޞޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިންނެއް ނޫނެވެ.

ރެސް ޖުޑިކާޓާގެ މަބްދައު

52. ހައިކޯޓުގައި އިސްތިއުނާފު ކުރެވުނު ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 203/S2C/2018 ގަޒިއްޔާގެ މައުލޫއުއަށް ޙުކުމެއް ކުރުން މަނާވާ ސަބަބަކީ ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 544/S2C/2015 ގަޒިއްޔާގައި ކޮށްފައިވާ ޙުކުމްކަމަށް ހައިކޯޓުން ކަނޑައަޅާފައިވެއެވެ.

53. އެގޮތުން، ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 544/S2C/2015 ގަޒިއްޔާގެ ޙުކުމުގައި އެ މައްސަލައިގެ ދަޢުވާ ފޯމު ބާޠިލުކުރުމަށްފަހު، ދެން ސެވެންސްޓަރ ގޯއްޗާއި އިންވެގެން އޮންނަ ގޯޅިގަނޑުގެ ދަޢުވާ އިބްރާހީމް ޠާހިރުއަށް ހުށަނޭޅޭނެކަމަށް ކަނޑައަޅައި ޙުކުމްކޮށްފައި އޮތުމުން، އަދި އެ ގަޒިއްޔާ އިބްރާހީމް ޠާހިރުގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފުކޮށްފައި ނެތުމުން، އެ މައްސަލައަކީ ދެން ކޯޓަށް ހުށަނޭޅޭނެ މައްސަލައެއްކަމަށް ހައިކޯޓުން ކަނޑައަޅާފައިވެއެވެ.

54. އަދި ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 203/S2C/2018 ގަޒިއްޔާގައި އެއް ކޯޓަކުން އެއް ވާގިއާއެއް އަދި އެއް މައުލޫއެއް ހިމެނޭ ދަޢުވާއެއްގައި ދެވަނަ ފަހަރަށް ބެލުމަކީ ފުރަތަމަ ޙުކުމާ ފުށުއަރާގޮތަށް ޤާނޫނީ ނިޒާމު ތަރުތީބުވެ ހަމަޖެހިފައިވާ ގޮތާ ޚިލާފަށް ކުރެވޭ ޙުކުމެއްކަމަށް ހައިކޯޓުގެ އިސްތިއުނާފުކުރެވޭ ގަޒިއްޔާތަކުގައި ބަޔާންކޮށްފައިވެއެވެ.

55. އިބްރާހީމް ޠާހިރުގެ ފަރާތުން ބުނަނީ ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 203/S2C/2018 ގަޒިއްޔާގައިވާ މައްސަލައާއި ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 544/S2C/2015 ގަޒިއްޔާގައިވަނީ ތަފާތު ދެ މައްސަލަކަމަށެވެ. އެގޮތުން 2015 ވަނަ އަހަރު ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅި މައްސަލައިގެ މައުލޫއުގައި ޙުކުމެއް ކޮށްފައިނުވާތީ ރެސް ޖުޑިކާޓާގެ މަބްދައު މި މައްސަލައަށް ތަޠުބީޤު ނުކުރެވޭނެކަމަށް ބުނެފައިވެއެވެ.

56. ސުޕްރީމް ކޯޓުގެ ބަނީ ހޯލްޑިންގްސް (ބީ.ވީ.އައި) ލިމިޓެޑް ވ. މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ18 ގަޒިއްޔާގައި ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔުގައި ރެސް ޖުޑިކާޓާގެ މައިގަނޑު މާނައަކީ

"...އިޚްތިޞާޞް ލިބިފައިވާ ކޯޓަކުން ނުވަތަ ޓްރައިބިއުނަލަކުން ވަކި ފަރާތްތަކެއް ހިމެނޭ ވަކި ކަމެއް (ނުވަތަ ކަންތަކެއް) ގެ މައްޗަށް ނިޔާއެއް ކަނޑައަޅައިފިނަމަ، އެ ނިންމުމަކީ، އިސްތިއުނާފު މަރުޙަލާގެ ތެރެއިން އެކަމާމެދު ދަޢުވާކުރުމުގެ ބޭރުން، އެ ފަރާތްތަކުން އެ ނިޔާ ކަނޑައެޅި ކަމަކާ (ނުވަތަ ކަންތައްތަކާއި) ގުޅިގެން، އެ ފަރާތްތަކުގެ މެދުގައި އަލުން ދަޢުވާ ކުރެވޭނެ ކަމެއް ނޫން…"

ކަމަށެވެ.19 ތިލަ ގޮތަކަށް ބުނާނަމަ، ރެސް ޖުޑިކާޓާއަކީ އެއް ކަމަކަށް އެއް ބަޔަކު ދެވަނަ ފަހަރަށް ދަޢުވާކުރުން މަނާކުރާ މަބްދައުއެވެ. ބުނެވިދިޔަ ގަޒިއްޔާގައި ރެސް ޖުޑިކާޓާ ތަޠުބީޤު ކުރެވިދާނެ މައިގަނޑު ތިން ހާލަތެއް ބަޔާންކޮށްފައިވާއިރު، އެ ތިން ހާލަތްވެސް ޖުމްލަ ގޮތެއްގައި ދައުރުވަނީ ތަކުރާރުކޮށް އެއް މައްސަލައެއް އަލުން ހުށަހެޅުން ހުއްޓުވުމުގެ މައްޗަށެވެ.

57. ރެސް ޖުޑިކާޓާގެ މަބްދައު ތަޠުބީޤުކުރެވޭނެ ތިން ހާލަތަކީ އިޝޫ އެސްޓޮޕަލް އާއި، ކޯސް އޮފް އެކްޝަން އެސްޓޮޕަލްއާއި އަދި އިޖުރާއަތުގެ ނަހަމަ ބޭނުންހިފުމާ ގުޅޭ ހާލަތެވެ. އިސްތިއުނާފުކުރެވޭ ހައިކޯޓުގެ ގަޒިއްޔާތަކުގައި ކަނޑައަޅާފައިވަނީ އެއް ކޯޓަކުން އެއް ވާގިއާއެއް އަދި އެއް މައުލޫއެއްގެ މައްޗަށް ދެވަނަ ފަހަރަށް ޙުކުމްކުރުމަކީ ކޯޓުން ޙުކުމް ބަދަލުކުރުން ކަމުގައި ދެކޭކަމަށެވެ. ވުމާއެކު، ރެސް ޖުޑިކާޓާގެ މަބްދަޢު ތަޠުބީޤުކުރެވޭނެ ފުރަތަމަ ޙާލަތަށް ބަލައިލާނަމެވެ.

58. އިޝޫ އެސްޓޮޕަލްއަކީ މައްސަލައެއްގެ މުހިންމު ބައެއްގެ ގޮތުގައި ހިމެނޭ ނުކުތާއެއް، އެ ނުކުތާ ހިމެނޭ ގޮތުން ނުވަތަ އެ މައްޗަށް ބިނާކޮށް ދަޢުވާއެއް ކުރެވި، އެ ނުކުތާއާ މެދު ނިންމުމެއް ނިންމާފައިވާނަމަ، އެ ދަޢުވާގައި ހިމެނުނު ފަރާތްތަކުގެ މެދުގައި އުފުލޭ އެހެން ދަޢުވާއެއްގައި، ކުރިން ގޮތް ކަނޑައެޅުނު ނުކުތާއަކީ އެ މައްސަލައާ ގުޅޭ ނުކުތާއެއް ކަމުގައި ދެކިގެން، އެ ނުކުތާއާ މެދު އަލުން ގޮތް ކަނޑައަޅަން ހުށަހަޅައިފިނަމަ، އެކަން ހުއްޓުވުމެވެ.

59. މައްސަލައެއްގެ މައްޗަށް އިޝޫ އެސްޓޮޕަލް ޤާއިމުކުރަނީ އަންނަނިވި ކަންކަން ފުރިހަމަވާނަމައެވެ.

(ހ) ހުށަހަޅާފައިވާ ނުކުތާއަކީ (އެ މަރުޙަލާގައި) އެ ނުކުތާގެ މައްޗަށް ކުރިން ނިންމުމެއް ނިންމާފައިވާ ނުކުތާއެއް ކަމުގައިވުން؛

(ށ) ހުށަހަޅާފައިވާ އެ ނުކުތާގެ މައްޗަށް (އެ މަރުޙަލާގައި) ކުރިން ނިންމުމެއް ނިންމާފައިވާނަމަ، އެ ނިންމުމެއް ނިހާއީ ނިންމުމަކަށް ވެފައިވުން؛

(ނ) އެ ނުކުތާގެ މައްޗަށް ކުރިން ނިންމުމެއް ނިންމާފައިވާ މައްސަލައިގައާއި، ފަހުން ހުށަހަޅާފައިވާ މައްސަލައިގައި ހިމެނެނީ އެއް ފަރާތްތަކެއް ކަމުގައިވުން.

60. ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 544/S2C/2015 ގަޒިއްޔާގައިވާ މައްސަލައަކީ ސެވެންސްޓަރ ގޯއްޗާއި އިންވެގެން އޮންނަ ގޯޅިގަނޑު ސެވެންސްޓަރ ގޯތީގެ ބައެއްގެ ގޮތުގައި ހިމަނައިދިނުމަށް އެދި ލޭންޑް ބިލްޑިންގ އެންޑް މުނިސިޕަލް ސަރވިސް/ އައްޑޫ ސިޓީ ކައުންސިލް މައްޗަށް ހުށަހެޅި ދަޢުވާއެކެވެ. އެ މައްސަލަ އެ ކޯޓަށް ހުށަނޭޅޭނެކަމަށާއި އަދި އެ ދަޢުވާ އެ ކޯޓުން އިތުރަށް ނުބެލޭނެކަމަށް ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 544/S2C/2015 ގަޒިއްޔާގައި ޙުކުމްކޮށްފައިވެއެވެ.

61. މި މައްސަލައިގެ މައުލޫއުއަށް ފައިޞަލާކުރަނިވި ޙުކުމެއް ނުކުރިނަމަވެސް، އިޖުރާއީގޮތުން ވަނީ ދެން އެ މައްސަލަ ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަނޭޅޭނެކަމަށް ކަނޑައަޅައި ޙުކުމެއް ކޮށްފައެވެ. އަދި އެ ޙުކުމް އިބްރާހީމް ޠާހިރުގެ ފަރާތުން އިސްތިއުނާފު ނުކުރުމުގެ ސަބަބުން އެ ނިންމުން އެގޮތުގައި ދެމިއޮތްކަން ފާހަގަކުރެވެއެވެ.

62. މިހާރު އިބްރާހީމް ޠާހިރުގެ ފަރާތުން ހުށަހަޅައިގެން ބަލަމުންދާ ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 203/S2C/2018 ގަޒިއްޔާގައިވާ މައްސަލައަކީވެސް ސެވެންސްޓަރ ގޯއްޗާއި އިންވެގެން އޮންނަ ގޯޅިގަނޑު ސެވެންސްޓަރ ގޯތީގެ ބައެއްގެ ގޮތުގައި ރަޖިސްޓްރީގައި ހިމަނައިދިނުމަށް އެދި އައްޑޫ ސިޓީ ކައުންސިލްގެ މައްޗަށް ހުށަހެޅި މައްސަލައެކެވެ. ކުރިން ހުށަހެޅި މައްސަލައާއި މިހާރު ހުށަހަޅައިގެން އުޅޭ މައްސަލައިގައިވެސް ކުރަނީ އެއް ދަޢުވާއެއް ކަމުގައިވާއިރު، ކުރީގެ މައްސަލައާ މިހާރު ހުށަހަޅާފައިވާ މައްސަލައިގައި ޚަޞްމުންގެ ގޮތުގައި ހިމެނެނީވެސް އެއް ފަރާތްތަކެކެވެ.

63. އެހެންކަމުން، ސެވެންސްޓަރ ގޯއްޗާއި އިންވެގެން އޮންނަ ގޯޅިގަނޑުގެ މައްސަލައަކީ އެ ކޯޓަށް އިތުރަށް ހުށަހަޅައިގެން ނުބެލޭނެ މައްސަލައެއްކަމަށް ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 544/S2C/2015 ގަޒިއްޔާގައި ކަނޑައަޅައިފައިވާތީއާއި، އަދި އެ ނިންމުން ނިހާއީވެފައިވާތީއާއި، އަދި ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 203/S2C/2018 ގަޒިއްޔާގައި ކުރަނީ ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 544/S2C/2015 ގަޒިއްޔާއިންވެސް ހުށަހެޅުނު ދަޢުވާކަމަށްވެފައި، މި ދެ ގަޒިއްޔާގައި ހިމެނޭ ޚަޞްމުންނަކީ އެއް ބައެއް ކަމުގައިވާތީ، މިއީ ބަނީ ހޯލްޑިންގްސް (ބީ.ވީ.އައި) ލިމިޓެޑް ވ. މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ ގަޒިއްޔާގައިވާ ފަދައިން، ރެސްޖުޑިކާޓާގެ މަބްދައު ތަޠުބީޤުކޮށް، އިޝޫ އެސްޓޮޕެލްގެ ދަށުން ދަޢުވާކުރުން މަނާކުރާ ޙާލަތެއް ކަމުގައި އަހުރެން ދެކެމެވެ.

64. ވުމާއެކު، ހައިކޯޓުގެ ނިންމުމުގައި އެއް ކޯޓަކުން އެއް ވާގިއާ އަދި އެއް މައުލޫއުއެއް ހިމެނޭ ދަޢުވާއެއް ދެވަނަ ފަހަރަށް ބަލައި ފުރަތަމަ ޙުކުމާ ފުށުއަރާ ގޮތަށް ދެވަނަ މައްސަލައިގައި ޙުކުމްކުރުމަކީ އެއް ކޯޓަކުން ހަމަ އެ ކޯޓެއްގެ ޙުކުމް ބަދަލުކުރުންކަމަށް ދެކޭކަމަށް ކަނޑައަޅާފައިވަނީ ރެސްޖުޑިކާޓާގެ އުޞޫލުތަކާއި އެއްގޮތްވާގޮތުގެ މަތިންނެވެ. އަދި ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 544/S2C/2015 ގަޒިއްޔާ ދެމިއޮއްވައި، ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 203/S2C/2018 ގަޒިއްޔާގައި ޙުކުމެއް ކޮށްފައިވަނީ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ނ) އާ ޚިލާފަށް ކަމުގައި އަހުރެން ދެކެމެވެ.

މައްސަލައަށް ހައްލެއް ލިބެންޖެހޭކަމަށް ބުނާ ބުނުން

65. ސ. ހިތަދޫ ސެވެންސްޓާރ ގޯއްޗާއި ޝަޒާ ގޯތީގެ އިންވަކިކުރުމުގެ މައްސަލައަކީ އެތައް އަހަރެއްވެފައިވާ، އަދި އެ މައްސަލައަށް ހައްލެއް ނުލިބޭ މައްސަލައެއް ކަމުގައި އިބްރާހީމް ޠާހިރުގެ ފަރާތުން ބުނެފައިވެއެވެ.

66. ޝަރުޢީ މަރުޙަލާގައި މި ޚުޞޫމާތާ ގުޅިގެން ހުށަހަޅާފައިވާ މައްސަލަތަކަށް ބަލާއިރުގައި، ޙަޤީޤަތުގައި މި މައްސަލައާ ގުޅިގެން އެންމެ ފުރަތަމަ 2014 ގައި އިބްރާހީމް ޠާހިރު ހުށަހެޅި ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 198/S2C/2014 ގަޒިއްޔާގައި ޙުކުމްކޮށްފައިވަނީ އިބްރާހީމް ޠާހިރު ހުށަހެޅި ދަޢުވާ އެވަގުތު ކުރިއަށް ގެންދަން ބޭނުންނުވާކަމަށް ބުނެ ދަޢުވާ ދޫކޮށް، އެ މައްސަލަ ބާޠިލުކުރުމަށް އެދޭކަމަށް ޝަރީޢަތަށް އިބްރާހީމް ޠާހިރު ބަޔާންދީފައިވާތީ، ޝަރީޢަތްކުރުމާބެހޭ ގޮތުން ހެދިފައިވާ ގަވާއިދު 6 ގެ 15 ވަނަ މާއްދާގެ 4 ވަނަ ނަންބަރުގައިވާ ގޮތުގެ މަތިން އެ މައްސަލައިގެ ދަޢުވާ ފޯމު ބާޠިލުކަމަށް ކަނޑައަޅައެވެ.

67. ހައިކޯޓުން ހަވާލާދީފައިވާ 2015 ގެ ގަޒިއްޔާކަމުގައިވާ ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 544/S2C/2015 ގަޒިއްޔާއަކީ ބުނެވުނު 2014 ގެ ގަޒިއްޔާގެ ފަހުން ހުށަހެޅި ޙުކުމްކޮށްފައިވާ މައްސަލައެކެވެ. އަދި 2014 ގެ ގަޒިއްޔާގައިވެސް ހަވާލާދީފައިވާ ޝަރީޢަތްކުރުމާބެހޭ ގޮތުން ހެދިފައިވާ ގަވާއިދު 6 ގެ 15 ވަނަ މާއްދާގެ 4 ވަނަ ނަންބަރާ 2015 ގެ ގަޒިއްޔާގައިވެސް ހަވާލާދީފައިވެއެވެ.

68. ސުޕްރީމް ކޯޓުގެ އެސްޓޭޓް އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑް ވ. އުސާމަތު އިސްމާޢީލް ގަޒިއްޔާގައި ޝަރީޢަތްކުރުމާބެހޭ ގޮތުން ހެދިފައިވާ ގަވާއިދު 6 ގެ 15 ވަނަ މާއްދާގެ 4 ވަނަ ނަންބަރަށް އަލިއަޅުވާލާފައިވެއެވެ.20

69. އެގޮތުން، ޝަރީޢަތްކުރުމާބެހޭ ގޮތުން ހެދިފައިވާ ގަވާއިދު 6 ގެ 15 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ ދަޢުވާ ފޯމު ބާޠިލުކުރެވިދާނެ ޙާލަތްތަކެވެ. އެ މާއްދާގެ 4 ވަނަ ނަންބަރުގައިވަނީ "ހުށަހެޅި ފަރާތުން ދަޢުވާ ދޫކޮށްލުން ނުވަތަ ބާޠިލުކޮށްދިނުމަށް އެދުން" މިފަދައިންނެވެ. އެސްޓޭޓް އިންޓަނޭޝަނަލް މައްސަލައިގައި މި އިބާރާތުން ދޭހަވަނީ ދަޢުވާކުރާ ފަރާތުގެ ކިބައިން ދަޢުވާ އެއްކޮށް ދޫކޮށްލުމުގެ ނުވަތަ ބާޠިލުކުރަން ބޭނުންވުމުގެ ނިޔަތް އޮތުންކަމަށް ބަޔާންކޮށްފައިވެއެވެ. ފަހުން މައްސަލައެއް ހުށަހަޅަން ގަސްތުކުރާނަމަ، ދަޢުވާ އަނބުރާ ގެންދަމުން އެކަން ހާމަކުރަންޖެހޭކަމަށް ބަޔާންކޮށްފައިވެއެވެ.

70. އެ ގަޒިއްޔާގައި މި ވިސްނުމަށް ވާސިލުވެފައިވަނީ ޝަރޫ ލޯންޗް ސަރވިސް ޕްރައިވެޓް ލިމިޓެޑް ވ. ދަ މޮރިޝަސް ކޮމަރޝަލް ބޭންކް (މޯލްޑިވްސް) ޕްރައިވެޓް ލިމިޓެޑް21 ގަޒިއްޔާގައި ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންގެ ރައުޔުގެ 26 ވަނަ ޕެރެގްރާފްގައި، ރާއްޖޭގައި ޒަމާނުއްސުރެ ޢަމަލުކުރަމުން އަންނަގޮތަށް ރިޢާޔަތްކޮށް، ދަޢުވާ އަނބުރާ ގެންދިޔުމުގެ ދެ ގޮތެއްވާކަމަށް އޮންނަ އޮތުމުގެ މައްޗަށް ބިނާކޮށެވެ. އެއީ، އަލުން ހުށަނާޅާ ގޮތަށް މައްސަލަ އަނބުރާ ގެންދިޔުމުގެ ހާލަތްތަކާއި އަދި އަލުން ހުށަހަޅާނެކަމަށް ބަޔާންކޮށް ދަޢުވާ އަނބުރާ ގެންދިޔުމުގެ ހާލަތްތަކެވެ.

71. ވުމާއެކު، ދަޢުވާއެއް އަނބުރާ ގެންދާނަމަ، އެ ދަޢުވާ އަނބުރާ ގެންދަމުން ފަހުން ހުށަހެޅުމުގެ ނިޔަތް ބަޔާންކުރަން ޖެހެއެވެ.

72. އިބްރާހީމް ޠާހިރުގެ ފަރާތުން ސުޕްރީމް ކޯޓުގެ ޝަރޫ ލޯންޗް ސަރވިސް ޕްރައިވެޓް ލިމިޓެޑް ވ. ދަ މޮރިޝަސް ކޮމަރޝަލް ބޭންކް (މޯލްޑިވްސް) ޕްރައިވެޓް ލިމިޓެޑް ގަޒިއްޔާގައި އިންސާފަށް ވާޞިލުވުމަށް އޮތް މަގު ބަންދުވާތީ ހައިކޯޓުގެ ޙުކުމް ބާޠިލުކުރިކަމަށާއި، މި މައްސަލައިގައި ސުޕްރީމް ކޯޓުގެ ސިޓީއިން މައްސަލަ ކުރިއަށް ގެންދިއުމަށް އަންގާފައިވާއިރު އެކަމަށް ރިޢާޔަތްކޮށްފައި ނުވަނީ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ނ) އާ ޚިލާފަށްކަމަށް ބުނެފައިވެއެވެ.

73. ސުޕްރީމް ކޯޓުގެ ޝަރޫ ލޯންޗް ސަރވިސް ޕްރައިވެޓް ލިމިޓެޑް ގަޒިއްޔާގައިވާ މައްސަލައިގައި ދަޢުވާ ފޯމު އިޞްލާޙުކޮށްގެން އަލުން ހުށަހަޅައިފިނަމަ ބެލޭގޮތަށް ދަޢުވާ ފޯމު ބާޠިލުކޮށް، ސިވިލް ކޯޓުން ޙުކުމްކޮށްފައިވެއެވެ. އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން، އެ ކޯޓުން ކަނޑައެޅީ ޝަރޫ ލޯންޗް ސަރވިސް ޕްރައިވެޓް ލިމިޓެޑުން އިޖުރާއަތުގެ ނަހަމަ ބޭނުން ހިފާފައިވާކަމަށެވެ. ސުޕްރީމް ކޯޓުގައި އެ މައްސަލަ އިސްތިއުނާފު ކުރެވުމުން މި ކޯޓުން ކަނޑައެޅީ ޝަރޫ ލޯންޗް ސަރވިސް ޕްރައިވެޓް ލިމިޓެޑުން ދަޢުވާ އަނބުރާ ގެންދިޔައީ އަލުން ހުށަހަޅާގޮތަށްކަމަށް ވާތީ ދަޢުވާ ދޫކޮށްލީ ކަމަށް ނުބެލެވޭނެކަމަށާއި، އަދި މައްސަލައިގެ މައުލޫއުއަށް ސިވިލް ކޯޓުން ޙުކުމެއް ކޮށްފައިނުވާއިރު، ހައިކޯޓުގެ ނިންމުމުގެ ނަތީޖާއަކީ މައްސަލައިގެ މައުލޫއުއަށް ގޮތެއް ނުނިމި އޮތުންކަމަށް ފާހަގަކޮށް، ހައިކޯޓުގެ ނިންމުން ބާޠިލުކޮށެވެ.

74. ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 544/S2C/2015 ގަޒިއްޔާއަކީ އަލުން އަނބުރާ ހުށަހަޅާގޮތަށް ބާޠިލުކުރުމަށް އެދުމުން ބާޠިލުކުރި މައްސަލައެއް ނޫނެވެ. އެއާ ޚިލާފަށް އެ މައްސަލަ އަލުން އެ ކޯޓަށް ހުށަނޭޅޭނެކަމަށް އެ ގަޒިއްޔާގައި ޙުކުމްކޮށްފައިވެއެވެ. އެހެންކަމުން، ޝަރޫ ލޯންޗް ސަރވިސް ޕްރައިވެޓް ލިމިޓެޑް މައްސަލައިގައި ކަންހިނގާދިޔަ ގޮތާއި މި މައްސަލައިގައި ކަން ހިނގާފައިވާގޮތް ތަފާތެވެ. އިސްތިއުނާފުކުރެވޭ ހައިކޯޓުގެ ނިންމުމުގައިވެސް މިކަން ފާހަގަކޮށްފައިވެއެވެ.22

75. އަދި އިންސާފުގެ މަގު ބަންދުވާތީ މި މައްސަލައަކީ ބަލަންޖެހޭ މައްސަލައެއްކަމަށް ސުޕްރީމް ކޯޓުގެ ސިޓީއިން އެނގޭކަމަށް އިބްރާހީމް ޠާހިރުގެ ފަރާތުން ބުނިނަމަވެސް، އެފަދައިން އެ ސިޓީގައި ކަނޑައެޅިގެން ބަޔާންކޮށްފައިނުވެއެވެ. އަދި އެ ސިޓީއިން އެގޮތަށް ދޭހަވާކަމަށް ބެލިނަމަވެސް، ކުރިންވެސް ފާހަގަކޮށްފައިވާ ފަދައިން އެގޮތަށް އެންގުމުގެ ބާރު ސުޕްރީމް ކޯޓަށް ލިބިގެންނުވެއެވެ. އެ މޭރުމުން ސުޕްރީމް ކޯޓަށްވެސް އަދި ހައިކޯޓަށްވެސް ގޮތެއް ކަނޑައެޅޭނީ އިސްތިއުނާފުކުރުމުގެ އިޖުރާއަތްތަކުގެ ތެރެއިންނެވެ.

76. އިސްތިއުނާފު ކުރެވޭ ހައިކޯޓު ގަޒިއްޔާތަކުގައި ހަވާލާ ދީފައިވަނީ ހަމައެކަނި 2015 ގައި މި މައްސަލައާ ގުޅިގެން ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 544/S2C/2015 ގަޒިއްޔާގައި ނިންމާފައިވާ ނިންމުމަށެވެ. އެ ނިންމުމުގައި އަލުން މި މައްސަލަ ހުށަނޭޅޭނެކަމަށް ސަރީހަކޮށް ބަޔާންކޮށްފައި އޮތްނަމަވެސް، 2014 ގެ ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 198/S2C/2014 ގަޒިއްޔާގެ ޙުކުމުގައިވެސް ނިކުންނަނީ ހަމަ މި ނަތީޖާކަމުގައި އަހުރެން ދެކެމެވެ. ސަބަބަކީ އެ ގަޒިއްޔާގައިވެސް މައްސަލަ ނިންމުމުގައި ހަވާލާދީފައިވަނީ ޝަރީޢަތްކުރުމާބެހޭ ގޮތުން ހެދިފައިވާ ގަވާއިދު 6 ގެ 15 ވަނަ މާއްދާގެ 4 ވަނަ ނަންބަރަށް ކަމުގައިވާއިރު، އެ ނަންބަރުގެ ދަށުން ދަޢުވާ އެއްކޮށް ދޫކޮށްލީކަމަށް ބެލުމުގެ ފުރުސަތު އޮތުމުންނެވެ.

77. ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 198/S2C/2014 ގަޒިއްޔާގައި މައްސަލައިގެ ދަޢުވާ އަނބުރާ ގެންގޮސްފައިވާކަމަށް ޙުކުމްކޮށްފައިވާއިރު، އޭގެ ފަހުން ހުށަހެޅުނު ހަމަ އެ ކޯޓުގެ ނަންބަރު 544/S2C/2015 ގަޒިއްޔާގައިވެސް ހަމަ އެއް ކަމެއްގެ މައްޗަށް އައިސްފައިވަނީ އެއް ޙުކުމެއްކަން ފާހަގަކުރެވެއެވެ.

78. އިބްރާހީމް ޠާހިރުގެ ފަރާތުން މި މައްސަލައަށް ހައްލެއް ލިބެންޖެހޭކަމަށް ބަޔާންކުރެއެވެ. އަދި މި މައްސަލައަކީ އެތައް އަހަރެއްވެގެން ދިޔައިރުވެސް ހައްލު ނުކުރެވި އޮތް މައްސަލައެއް ކަމުގައި ބުނެއެވެ. އަދި ހިތަދޫ މެޖިސްޓްރޭޓް ކޯޓުން މި މައްސަލައާ ގުޅިގެން ކޮށްފައިވާ ޙުކުމްތަކުން އިންސާފުގެ މަގު ބަންދުވާކަމަށް ބުނެއެވެ.

79. ޝަރުޢީ މަރުޙަލާގައި އިބްރާހީމް ޠާހިރު މައްސަލަ ހުށަހަޅާފައިވަނީ ޤާނޫނީ ވަކީލެއްގެ އެހީތެރިކަމާ ނުލައިކަމުގައިވާއިރު، އިސްތިއުނާފުކުރުމަށް އޮންނަ މުއްދަތު ފަހަނައަޅައި ދިޔަނަމަވެސް އިސްތިއުނާފުކުރުމުގެ ހުއްދައަށް އެދުމުގެ ފުރުސަތު ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގައާއި އަދި އެފަދަ މައްސަލަތައް އިސްތިއުނާފު ކުރެވޭނެ ހާލަތްތައް މި ކޯޓުން މީގެ ކުރިން ނިންމާފައިވާ މައްސަލަތަކުގައި ބަޔާންކޮށް އުޞޫލު ކަނޑައެޅިފައިވާނެއެވެ.

80. ކަންމިހެން އޮތްއިރު، މިހާރު އިސްތިއުނާފުކޮށްފައިވާ ހައިކޯޓުގެ 2021/HC-S-A/23, 37 ނަންބަރު ގަޒިއްޔާގައި ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 203/S2C/2018 ގަޒިއްޔާގައި ސެވެންސްޓާރ ގޯއްޗާއި ޝަޒާ ގޯއްޗާ ދެމެދު އޮތް ގޯޅިގަނޑުގެ މައްސަލަ މައުލޫއީ ގޮތުން ކުރިއަށް ނުގެންދެވޭނެކަމަށް ކަނޑައަޅާފައިވަނީ ޤާނޫނީ އުޞޫލުތަކާ އެއްގޮތްވާގޮތުގެ މަތިންކަމުން، ހައިކޯޓުގެ 2021/HC-S-A/23, 37 ނަންބަރު ގަޒިއްޔާގައިވާ ނިންމުމަށް ބަދަލެއް ގެންނަންޖެހޭ ތަނެއް ނެތް ކަމުގައި އަހުރެން ދެކެމެވެ.

ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔު

81. މި މައްސަލައިގައި ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންގެ ރައުޔު

82. މި މައްސަލައިގައި ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

ޙުކުމް

ދެންފަހެ، އިސްވެ ބަޔާންކުރެވުނު ސަބަބުތައް އެގޮތަށް ހުރުމާއެކު، އައްޑުއަތޮޅު ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 203/S2C/2018 ގަޒިއްޔާގައި ކޮށްފައިވާ ޙުކުމް ބާޠިލުކޮށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2021/HC-S-A/23 ގަޒިއްޔާ އާއި އެ ކޯޓުގެ ނަންބަރު 2021/HC-S-A/37 ގަޒިއްޔާގައި ކޮށްފައިވާ ޙުކުމަށް ބަދަލު ގެންނަންޖެހޭ ފަދަ ސަބަބެއް ނެތްކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި، ޙުކުމްކޮށްފީމެވެ.

މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ: ޢާއިޝާ ޝުޖޫން މުޙައްމަދު އަޒްމިރާލްދާ ޒާހިރު ޢަލީ ރަޝީދު ޙުސައިން (ރިޔާސަތު)

1 ޤާނޫނު ނަންބަރު 7/2010

2 ޤާނޫނު ނަންބަރު 1/2002

3 2020/SC-A/89

4 ޤާނޫނު ނަންބަރު 2010/22

5 ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ "އަމިއްލަ މީހުން ފޮނުވާ ސިޓީގެ ޖަވާބު" ނަންބަރު 197-BB/INDIV/2019/104

6 އައްޑުއަތޮޅު ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު S2C-A/197/2019/8 ސިޓީ

7 ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ 197-BB/SO2C/2019/9 ނަންބަރު ސިޓީ

8 ފުޓްނޯޓު ނަންބަރު 4

9 އިސްވެ ބުނެވުނު މަސްދަރު (އބމ)، 52 ވަނަ މާއްދާގެ (ހ)

10 އބމ، 52 ވަނަ މާއްދާގެ (ށ)

11 އބމ، 52 ވަނަ މާއްދާގެ (ނ) އަދި (ރ)

12 އބމ، 36 ވަނަ މާއްދާ އާއި 38 ވަނަ މައްދާ

13 އބމ، 9 ވަނަ މައްދާ

14 ފުޓްނޯޓު ނަންބަރު 7

15 [2022] SC 32 ޕެރެގްރާފް 37 އިން 40 އަށް

16 [2023] SC 04 ޕެރެގްރާފް 51

17 [2021] SC 18 ޕެރެގްރާފް 91

18 2016/SC-A/25

19 އބމ، ޕެރެގްރާފް 12

20 ފުޓްނޯޓު 14، ޕެރެގްރާފް 61

21[2022] SC 12

22 އިސްތިއުނާފުކުރެވޭ ހައިކޯޓުގެ ނަންބަރު 2021/HC-S-A/23,37 ގަޒިއްޔާގެ ޕެރެގްރާފް 14.6 އަދި 14.7

2022/SC-A/65 [2024] SC 47

2019/SC-A/300 [2021] SC 778

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ޝެއަރ ކުރައްވާ