ދިވެހިރާއްޖޭގެ މަތީ ކޯޓުތަކުގެ ޤަޟާއީ ސާބިޤާތައް

Maldives Higher Courts Case Law

Saeed Lex
[2026] SC 42 · 2021/SC-A/62, 2021/SC-A/63

ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ނަން ފޮރުވާފައި

ސުޕްރީމް ކޯޓުދަށުކޯޓުގެ ނިންމުން ބާޠިލުނަން ފޮރުވާފައި
ފަހުގެ ޙުކުމެއްގައި ޙަވާލާދީފައެއް ނުފެނޭޙުކުމުގެ ހާލަތު
ސުޕްރީމް ކޯޓު · 4 ނޮވެމްބަރު 2026ދަށު ކޯޓު: ކުޅުދުއްފުށި މެޖިސްޓްރޭޓް ކޯޓު 243/B12C/2016، 244/B12C/2016ބާވަތް: ޖިނާއީ

މި ޤަޟިއްޔާގައި ޚަޞްމުންގެ ނަން ފޮރުވާފައި.

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
2018/HC-A/18، 2018/HC-A/19، 243/B12C/2016، 244/B12C/2016
ފަހުގެ ތާރީޚު
—

ކޯ ޓާމްސް

ޚުލާޞާ

ކޯޓަށް އައި ގޮތް
މެޖިސްޓްރޭޓް ކޯޓުން ދެ ދަޢުވާވެސް ސާބިތުވާކަމަށް ކަނޑައަޅައި، ފުރަތަމަ ދަޢުވާގައި 18 އަހަރާއި ދެވަނަ ދަޢުވާގައި 6 މަސް ޖަލަށްލުމަށް ޙުކުމްކުރިއެވެ (243/B12C/2016، 244/B12C/2016). ހައިކޯޓުން (2018/HC-A/18، 2018/HC-A/19) ދެ ޙުކުމްވެސް ބާޠިލުކުރީ، ދަށުކޯޓުގައި މައްސަލައިގެ ލިޔުންތައް ލިބުނުކަން ކަށަވަރު ނުކުރެވޭތީ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (ބ) ގައިވާ ވަޞީލަތް ލިބިދީފައި ނުވާ ކަމަށާއި، ރިޕޯޓުނުކުރުމުގެ ދަޢުވާއަކީ ތަޙްޤީޤުކުރެވުނު ކުށް ނޫން ކުށެއްގެ ދަޢުވާއެއް ކަމަށް ބުނެއެވެ.
ވާޤިޢާ
އެއް ޙާދިސާއަކަށް ބިނާކޮށް، ކުޑަކުއްޖަކާމެދު ޖިންސީ ޢަމަލު ހިންގުވުމަށް އިތުބާރުކުރެވޭ މަޤާމެއްގައި ހުރެ މަގުފަހިކޮށްދިނުމުގެ ކުށާއި، ކުޑަކުއްޖަކާމެދު ޖިންސީ ޢަމަލު ހިންގާކަން އެނގިހުރެ ރިޕޯޓު ނުކުރުމުގެ ކުށުގެ ދެ ދަޢުވާ، 2016 ވަނަ އަހަރު ދައުލަތުން ކުޅުދުއްފުށި މެޖިސްޓްރޭޓް ކޯޓުގައި އުފުލިއެވެ. މި ދަޢުވާތައް ކުރެވުނީ ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް ޢަމަލުކުރަން ފެށުމުގެ ކުރިންނެވެ.
ކޯޓުން ނިންމަން ޖެހުނު ސުވާލު
ތަޙްޤީޤުގައި ތުހުމަތުކުރި ކުށް ނޫން ކުށެއްގެ ދަޢުވާއެއް ކުރެވިފައިވާ ކަމަށާއި، ޝަރީޢަތް ފެށުމުގެ ކުރިން ދަޢުވާގެ ލިޔުންތައް ދަޢުވާ ލިބުނު ފަރާތަށް ލިބިދީފައިވާކަން ކަށަވަރު ނުކުރެވޭ ކަމަށް ބުނެ، ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް ޢަމަލުކުރަން ފެށުމުގެ ކުރިން ހިނގި ޝަރީޢަތެއްގައި ކުރި ޙުކުމްތައް ހައިކޯޓުން ބާޠިލުކުރުމަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (ހ) އަދި (ބ) އާ އެއްގޮތްވާ ނިންމުމެއްތޯ.
ޚަޞްމުންގެ ހުށަހެޅުންތައް
ދައުލަތުން ބުނީ، ލިޔުންތައް ލިބިފައި ނުވާކަމުގެ ޝަކުވާ އުފުލާފައިވަނީ ހައިކޯޓުގައި ކަމަށާއި، އޭރު ލިޔުންތައް ދިނުމުގެ ރެކޯޑު ބެހެއްޓުމެއް ނެތް ކަމަށާއި، ދަޢުވާލިބުނު ފަރާތުން ހެކިންނާ ސުވާލުކޮށްފައިވާ ކަމަށާއި، ހައްޔަރުކުރިއިރު ނެތް ތުހުމަތަކަށް ތަޙްޤީޤުން ލިބޭ ހެއްކަށް ބަލައި ދަޢުވާކުރުމަށް ހުރަހެއް ނެތް ކަމަށެވެ. ދަޢުވާލިބުނު ފަރާތުން ބުނީ، ލިޔުންތައް ލިބުނުކަން ކަށަވަރުކުރުމަކީ ޕްރޮސިކިއުޓަރ ޖެނެރަލްގެ މަސްއޫލިއްޔަތުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށާއި، ލިޔުންތައް ލިބުނުކަން ކަށަވަރު ނުކުރެވޭ ކަމަށެވެ.
ކޯޓުގެ ސަބަބުތައް
ސުޕްރީމް ކޯޓުން ކަނޑައެޅީ، ރިޕޯޓުނުކުރުމުގެ ކުށުގެ ޢަމަލާ ގުޅޭގޮތުން ތަޙްޤީޤުގައި ސުވާލުކޮށްފައިވާތީ އެ ދަޢުވާ އުފުލާފައިވަނީ ރަނގަޅަށް ކަމަށާއި، މަޙްޟަރު ބަޔާންތަކާއި ޝަރީޢަތުގައި ކަންހިނގި ގޮތަށް ބަލާއިރު ލިޔުންތައް ނުލިބުމަށްވުރެ ލިބިފައިވުން ގާތްކަމަށާއި، ހައިކޯޓަށް އިސްތިއުނާފުކުރިއިރު ހުރިހާ ލިޔުންތައް ލިބިފައިވަނިކޮށް ޙަޤީޤަތްތަކާ ގުޅޭ އެއްވެސް ސުވާލެއް އުފައްދާފައި ނުވާ ކަމަށެވެ. އެހެންކަމުން ހައިކޯޓުގެ ދެ ނިންމުން ބާޠިލުކޮށް، މެޖިސްޓްރޭޓް ކޯޓުގެ ދެ ޙުކުމަށް ތާއީދުކުރިއެވެ.

ނިންމުން

ދަށުކޯޓުގެ ނިންމުން ބާޠިލު

ހައިކޯޓުގެ ދެ ޙުކުމް ބާޠިލު، މެޖިސްޓްރޭޓް ކޯޓުގެ ޙުކުމްތަކަށް ތާއީދު (އިއްތިފާޤުން)

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

HN1 ޖިނާއީ ޢަދުލުގެ ނިޒާމުގައި ކުށެއްގެ ތުހުމަތުކުރެވޭ މީހާއަށް ލިބިދޭންޖެހޭ އެންމެ އަސާސީ އެއް ޙައްޤަކީ، އޭނާގެ މައްޗަށް ކުރެވޭ ތުހުމަތުތަކުން ދިފާޢުވުމަށް އެކަށީގެންވާ ވަގުތާއި ފުރުޞަތު ލިބުމެވެ. މި ފުރުޞަތު ފުރިހަމައަށް ލިބިދެވޭނީ ތަޙްޤީޤު މަރުޙަލާގައި ކުރެވޭ ތުހުމަތާއި ޝަރީޢަތަށް ހުށަހެޅޭ ދަޢުވާއާ ދެމެދު ސީދާ ގުޅުމެއް އޮވެގެންނެވެ.

HN2 ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (ހ) ގައިވާ، ކުރެވެނީ ކޮން ތުހުމަތެއްކަން ލަސްނުކޮށް ފަހުމުވާ ބަހަކުން އެންގުމުގެ ޙައްޤުގެ އަސާސަކީ، ތަޙްޤީޤުގައި ކުރެވޭ ސުވާލުތަކަށް ޖަވާބުދާރީވެ ދިފާޢު ބިނާކުރުމަށް މަގުފަހިކޮށްދިނުމެވެ. ތަޙްޤީޤުގައި ސުވާލުނުކުރާ ނުވަތަ ތުހުމަތު ހިއްސާނުކުރާ ކުށަކަށް ކޯޓުގައި ދަޢުވާ އުފުލުމަކީ މި ޙައްޤަށް އުނިކަން އަންނަ ކަމެކެވެ.

HN3 ތަޙްޤީޤަކީ ދަޢުވާގެ ބިންގަލެވެ. ތަޙްޤީޤުގައި ސުވާލުނުކުރާ ކުށަކަށް ދަޢުވާކުރުމަކީ އެ ދަޢުވާއެއް ބާޠިލުވުމަށް އޮތް ސަބަބެކެވެ. ސަބަބަކީ ތަޙްޤީޤަށް ދޭ ބަޔާނަކީ ކުރެވުނު ވަކި ތުހުމަތަކަށް އަމާޒުކޮށް ދޭ ބަޔާނަކަށް ވުމެވެ. މި އުޞޫލުތަކަކީ ޠަބީޢީ އިންޞާފުގެ ހަމަތަކަށް ވާތީ، ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް ޢަމަލުކުރަން ފެށުމުގެ ކުރިންވެސް މިހާރުގެ ޤާނޫނުއަސާސީގެ ދަށުން ޢަމަލުކުރަމުން އައީ މިގޮތަށެވެ.

HN4 ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް ޢަމަލުކުރަން ފެށުމުގެ ކުރިން، ތުހުމަތުކުރާ ކުށުގެ ޤާނޫނާއި މާއްދާ ނަންބަރު ބުނެދޭން ގަވާއިދަކުން ލާޒިމްކޮށްފައި ނެތެވެ. އެހެންކަމުން، އެ ދުވަސްވަރު ކުރި ދަޢުވާއެއްގައި ބަލަންވާނީ ދަޢުވާކުރި ކުށުގެ ޢަމަލާ ގުޅޭގޮތުން ތަޙްޤީޤުގައި ސުވާލުކޮށްފައިވޭތޯއެވެ. ކުށުގެ ޢަމަލާ ގުޅޭގޮތުން ތަޙްޤީޤުގައި ސުވާލުކޮށްފައިވާނަމަ، ހައްޔަރުކުރިއިރު އެ ތުހުމަތު އިއްވާފައި ނުވިޔަސް، އެ ކުށުގެ ދަޢުވާ އުފުލާފައިވަނީ ރަނގަޅަށެވެ.

HN5 ޝަރީޢަތް ފެށުމުގެ ކުރިން ދަޢުވާގެ ލިޔުންތައް ދަޢުވާލިބޭ ފަރާތަށް ލިބިދިނުމަކީ ޢަދުލުވެރި ޝަރީޢަތެއްގެ އެންމެ އަސާސީ އެއް ރުކުނެވެ. ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (ބ) ގައިވާ ދިފާޢުވުމަށް އެކަށީގެންވާ ވަގުތާއި ވަޞީލަތުގެ ތެރޭގައި ދަޢުވާގެ ލިޔުންތަކާއި ހެކިތައް ލިބިދިނުން ހިމެނެއެވެ. ލިޔުންތައް ނުލިބުމުން ދެފަރާތުގެ މެދުގައި އޮންނަންޖެހޭ ހަމަހަމަކަން (Equality of Arms) ގެއްލިގެންދެއެވެ.

HN6 ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް ޢަމަލުކުރަން ފެށުމުގެ ކުރީގެ މައްސަލައެއްގައިވެސް، ޝަރީޢަތް ފެށުމުގެ ކުރިން ދަޢުވާގެ ލިޔުންތައް ދަޢުވާލިބޭ ފަރާތަށް ލިބިދިނުމަކީ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (ބ) ގެ ދަށުން ލާޒިމް ކަމެކެވެ. ދަޢުވާލިބޭ މީހާއަށް ލިޔުންތައް ނުދީ ކޯޓަށް ހާޟިރުކޮށް ދަޢުވާ އިއްވުމަކީ ދިފާޢުވުމަށް ވަޞީލަތް ފޯރުކޮށްދިނުމެއް ނޫނެވެ.

HN7 ލިޔުންތައް ޙަވާލުކުރިކަމުގެ ލިޔެވިފައިވާ ރެކޯޑެއް ނެތުމަކީ، ހަމައެކަނި އެ ސަބަބަށް ލިޔުންތައް ނުލިބޭ ކަމަށް ބެލެވޭނެ ކަމެއް ނޫނެވެ. ދަށުކޯޓުގެ މަޙްޟަރު ބަޔާންތަކަށާއި ޝަރީޢަތުގައި ކަންހިނގައިދިޔަ ގޮތަށް ބަލާއިރު، ލިޔުންތައް ނުލިބިގެން ޝަކުވާކޮށްފައި ނުވާކަމާއި، ދަޢުވާލިބުނު ފަރާތުން ހެކިންނާ ސުވާލުކޮށް ރިޕޯޓުތަކާ ގުޅޭ ވާހަކަ ދައްކާފައިވާކަމާއި، ވަކީލަކު ހަމަޖެއްސުމުގެ ފުރުޞަތު ދީފައިވާކަން އެނގެން އޮތުމުން، ލިޔުންތައް ނުލިބުނުކަމަށްވުރެ ލިބިފައިވުން ގާތްކަމަށް ބެލެވެއެވެ.

HN8 ހައިކޯޓަށް އިސްތިއުނާފުކުރިއިރު ދަށު ކޯޓުގެ މަރުޙަލާގެ ހުރިހާ ލިޔުންތަކާއި މަޙްޟަރު ބަޔާންތައް ލިބިފައިވަނިކޮށް، ދަށުކޯޓުން ސާބިތުކުރި ކުށުގެ ޢަމަލުގެ ޙަޤީޤަތްތަކާ ގުޅޭގޮތުން އެއްވެސް ސުވާލެއް އުފައްދާފައި ނުވާނަމަ، ދިފާޢުވުމަށް ވަޞީލަތް ނުލިބުނު ކަމަށް ބުނެ ޙުކުމް ބާޠިލުކުރެވޭނެ ބިންގާއެއް ނުވެއެވެ.

ވަކީލުންނާއި ފަނޑިޔާރުން

ވަކީލުން
—
ބެންޗު
ޢަލީ ރަޝީދު ޙުސައިން (ރިޔާސަތު)، ޢާއިޝާ ޝުޖޫން މުޙައްމަދު، މުޙައްމަދު ސަލީމް
ރިޔާސަތު
ޢަލީ ރަޝީދު ޙުސައިން
ރައުޔު ލިޔުނު ފަނޑިޔާރު
ޢަލީ ރަޝީދު ޙުސައިން · ތާއީދުކުރެއްވީ: ޢާއިޝާ ޝުޖޫން މުޙައްމަދު، މުޙައްމަދު ސަލީމް
ޚިލާފު ރައުޔު
ނެތް

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.

ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންގެ ރައުޔު (ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދު އަދި ފަނޑިޔާރު މުޙައްމަދު ސަލީމް ތާއީދު ކުރައްވާފައި)

ތަޢާރަފު

1މިއީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2018/HC-A/18 އާއި ނަންބަރު 2018/HC-A/19 ޤަޟިއްޔާ ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުސޫލުތަކާ ޚިލާފަށް ކަމަށްބުނެ، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް (މީގެފަހުން "ދައުލަތް" ނުވަތަ "އިސްތިއުނާފްކުރާ ފަރާތް" ކަމަށް ބުނެވިފައިވާ) ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅުމުން ބެލުނު ދެ މައްސަލައެކެވެ. މި ދެ މައްސަލައިގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ [ނަމާއި އެޑްރެސް އުނިކުރެވިފައި] (މީގެފަހުން "އިސްތިއުނާފު ރައްދުވާ ފަރާތް" ކަމަށް ބުނެވިފައިވާ) ފަރާތެވެ.

2ސުޕްރީމް ކޯޓުގައި މި ދެ މައްސަލައިގެ އިސްތިއުނާފުގެ އަޑުއެހުންތައް ކުރިއަށް ގެންގޮސްފައިވަނީ އެކުއެކުގައެވެ. މިގޮތުން މިއީ މި ދެމައްސަލަ އެކުގައި އަޑުއެހުމަށްފަހު ސުޕްރީމް ކޯޓުން މި ދެ މައްސަލައިގައި ނިންމާ ނިންމުމެވެ.

މައްސަލައިގައި ކަންހިނގާފައިވާ ގޮތް

304 ސެޕްޓެމްބަރު 2016 ގައި އިސްތިއުނާފު ރައްދުވާ ފަރާތުގެ މައްޗަށް ދައުލަތުގެ ފަރާތުން ކުޅުދުއްފުށި މެޖިސްޓްރޭޓް ކޯޓުގައި ދެ ދަޢުވާއެއް ކޮށްފައިވެއެވެ. މި ދެ ދަޢުވާވެސް ބިނާވެފައިވަނީ އެއް ޙާދިސާއެއްގެ މައްޗަށެވެ.

3.1- ފުރަތަމަ ދަޢުވާއަކީ، 2014 ވަނަ އަހަރުން ފެށިގެން ތަފާތު އެކިދުވަސްމަތިން [ނަމާއި އެޑްރެސް އުނިކުރެވިފައި] އިސްތިއުނާފު ރައްދުވާ ފަރާތުގެ އަންހެންދަރިއެއް ކަމަށްވާ (މީގެފަހުން "އަނިޔާ ލިބުނު ކުއްޖާ" ކަމަށް ބުނެފައިވާ ކުއްޖާ) އާމެދު ޖިންސީ ޢަމަލު ހިންގުމަށް ހިތްވަރުދީ، އެކަމަށް މަގުފަހިވާނެ ގޮތަށް ޢަމަލުކޮށްފައިވާތީ، ޤާނޫނު ނަންބަރު 12/2009 (ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު) ގެ 10 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ އެމާއްދާގެ (ށ) ގެ ދަށުން އިތުބާރުކުރެވޭ މަޤާމެއްގައިހުރެ ކުޑަކުއްޖަކާމެދު ޖިންސީ ޢަމަލެއް ހިންގުވުމުގެ ކުށުގެ ދަޢުވާއެވެ. މިދަޢުވާގެ މައްސަލަ ކުޅުދުއްފުށި މެޖިސްޓްރޭޓް ކޯޓުން ބަލާފައިވަނީ އެކޯޓުގެ ނަންބަރު 243/B12C/2016 ޤަޟިއްޔާއިންނެވެ.

3.2- ދެވަނަ ދަޢުވާއަކީ، ބަޔާންވެދިޔަ ޙާދިސާގައި ޖިންސީ ޢަމަލު ހިންގާކަން އެނގިހުރެ އެކަން ފުލުހުންނަށް ރިޕޯޓް ކޮށްފައިނުވާތީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 53 ވަނަ މާއްދާގެ (ހ) އާޙަވާލާދީ، އެމާއްދާގެ (ށ) ގެ ދަށުން އިސްތިއުނާފު ރައްދުވާ ފަރާތުގެ މައްޗަށް ކުޑަކުއްޖަކާމެދު ޖިންސީ ޢަމަލު ހިންގާކަން އެނގިހުރެ އެކަން ރިޕޯޓް ނުކުރުމުގެ ކުށުގެ ދަޢުވާއެވެ. މިދަޢުވާގެ މައްސަލަ ކުޅުދުއްފުށި މެޖިސްޓްރޭޓް ކޯޓުން ބަލާފައިވަނީ އެކޯޓުގެ ނަންބަރު 244/B12C/2016 ޤަޟިއްޔާއިންނެވެ.

ކުޅުދުއްފުށި މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 243/B12C/2016 ޤަޟިއްޔާ

4މި ޤަޟިއްޔާގައި އެކޯޓުން ނިންމާފައިވަނީ އިތުބާރުކުރެވޭ މަޤާމެއްގައިހުރެ ކުޑަކުއްޖަކު ލައްވައި ޖިންސީ ޢަމަލު ހިންގުވުމުގެ ކުށުން އިސްތިއުނާފު ރައްދުވާ ފަރާތް ކުށްވެރިވާ ކަމަށް ކަނޑައަޅައި، އިސްތިއުނާފު ރައްދުވާ ފަރާތް 18 (އަށާރަ) އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމަށެވެ.

5ދަޢުވާ ސާބިތުވާކަމަށް ކަނޑައެޅުމުގައި މެޖިސްޓްރޭޓް ކޯޓުން ރިޢާޔަތްކޮށްފައިވަނީ، ކުޑަކުދިންނާއިމެދު ޖިންސީ ގޯނާކުރާ މީހުންނާއިމެދު ޚާއްޞަ އުސޫލުތަކަށް ޢަމަލުކުރުމުގެ ޤާނޫނު ގެ 47 ވަނަ މާއްދާގެ (ހ) ގެ ދަށުން ހުށަހެޅިފައިވާ ކުއްޖާގެ އެސެސްމެންޓް ރިޕޯޓާއި، އަދި އެމާއްދާގެ (ޅ) އަދި (އ) ގެ ދަށުން ހުށަހެޅިފައިވާ [ނަމާއި އެޑްރެސް އުނިކުރެވިފައި] އާއި [ނަމާއި އެޑްރެސް އުނިކުރެވިފައި] އާއި ހދ.ފެމިލީ އެންޑް ޗިލްޑްރެން ސަރވިސް ސެންޓަރ (ހދ.އެފް.ސީ.އެސް.ސީ) ގެ މެނޭޖަރ އާއި މައްސަލަ ތަޙްޤީޤްކުރި ޕޮލިސް ސާރޖަންޓްގެ ހެކިބަހާއި، އެމާއްދާގެ (ކ) އަދި (އ) ގެ ދަށުން ހުށަހެޅިފައިވާ ކުއްޖާ ތަހްޤީޤަށް ދިފައިވާ ބަޔާނާއި، އެމާއްދާގެ (ވ) ގެ ދަށުން ހުށަހެޅިފައިވާ އަނިޔާ ލިބުނު ކުއްޖާގެ މެޑިކޯ ލީގަލް ރިޕޯޓާއި، އަނިޔާ ލިބުނު ކުއްޖާގެ އޯޑިއޯ ވީޑިއޯ ބަޔާނާއި، އަދި އިސްތިއުނާފު ރައްދުވާ ފަރާތް ތަހްޤީޤަށް ދީފައިވާ ބަޔާނާއި އެބަޔާނުގެ އޯޑިއޯ ވީޑިއޯ ރިކޯޑިންއަށްކަން އެނގެއެވެ.

6މި ހެކިތަކުގެ މައްޗަށް ބިނާކޮށް މެޖިސްޓްރޭޓް ކޯޓުން ނިންމާފައިވަނީ، 2014 ވަނަ އަހަރުން ފެށިގެން ތަފާތު އެކިދުވަސް މަތީން [ނަމާއި އެޑްރެސް އުނިކުރެވިފައި] ލައްވައި އަނިޔާ ލިބުނު ކުއްޖާއާއިމެދު ޖިންސީ ޢަމަލު ހިންގުވުމަށް އިސްތިއުނާފު ރައްދުވާ ފަރާތް ހިތްވަރުދީ އެކަމަށް މަގުފަހިވާ ގޮތަށް އިސްތިއުނާފު ރައްދުވާ ފަރާތް ޢަމަލު ކޮށްފައިވާކަން ޝަރީޢަތަށް ސާބިތުވާކަމަށެވެ.

ކުޅުދުއްފުށި މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 244/B12C/2016 ޤަޟިއްޔާ

7މި ޤަޟިއްޔާގައި އެކޯޓުން ނިންމާފައިވަނީ ކުޑަކުއްޖަކާމެދު ޖިންސީ ޢަމަލު ހިންގާކަން އެނގިހުރެ އެކަން ރިޕޯޓް ނުކުރުމުގެ ކުށުގެ ދަޢުވާ އިސްތިއުނާފު ރައްދުވާ ފަރާތުގެ މައްޗަށް ސާބިތުވާތީ އެކުށުން އިސްތިއުނާފު ރައްދުވާ ފަރާތް ކުށްވެރިވާ ކަމަށް ކަނޑައަޅައި 06 (ހައެއް) މަސްދުވަހުގެ މުއްދަތަށް ޖަލަށްލުމަށެވެ.

8ދަޢުވާ ސާބިތުވާކަމަށް ކަނޑައެޅުމުގައި މެޖިސްޓްރޭޓް ކޯޓުން ރިޢާޔަތްކޮށްފައިވަނީ، ކުޑަކުދިންނާއިމެދު ޖިންސީ ގޯނާކުރާ މީހުންނާއިމެދު ޚާއްޞަ އުސޫލުތަކަށް ޢަމަލުކުރުމުގެ ޤާނޫނު ގެ 47 ވަނަ މާއްދާގެ (ހ) ގެ ދަށުން ހުށަހެޅިފައިވާ ކުއްޖާގެ އެސެސްމެންޓް ރިޕޯޓާއި، އަދި އެމާއްދާގެ (ޅ) އަދި (އ) ގެ ދަށުން ހުށަހެޅިފައިވާ [ނަމާއި އެޑްރެސް އުނިކުރެވިފައި] އާއި [ނަމާއި އެޑްރެސް އުނިކުރެވިފައި] އާއި ހދ.އެފް.ސީ.އެސް.ސީ ގެ މެނޭޖަރ އާއި މައްސަލަ ތަޙްޤީޤްކުރި ޕޮލިސް ސާރޖަންޓްގެ ހެކިބަހާއި، އެމާއްދާގެ (ކ) އަދި (އ) ގެ ދަށުން ހުށަހެޅިފައިވާ ކުއްޖާ ތަހްޤީޤަށް ދިފައިވާ ބަޔާނާއި، އެމާއްދާގެ (ވ) ގެ ދަށުން ހުށަހެޅިފައިވާ އަނިޔާ ލިބުނު ކުއްޖާގެ މެޑިކޯ ލީގަލް ރިޕޯޓާއި، އަނިޔާ ލިބުނު ކުއްޖާގެ އޯޑިއޯ ވީޑިއޯ ބަޔާނާއި، އަދި އިސްތިއުނާފު ރައްދުވާ ފަރާތް ތަހްޤީޤަށް ދީފައިވާ ބަޔާނާއި އެބަޔާނުގެ އޯޑިއޯ ވީޑިއޯ ރިކޯޑިންއަށްކަން އެނގެއެވެ.

9މި ހެކިތަކުގެ މައްޗަށް ބިނާކޮށް މެޖިސްޓްރޭޓް ކޯޓުން ނިންމާފައިވަނީ، 2014 ވަނަ އަހަރުން ފެށިގެން ތަފާތު އެކިދުވަސް މަތީން [ނަމާއި އެޑްރެސް އުނިކުރެވިފައި] އަނިޔާ ލިބުނު ކުއްޖާއާއިމެދު ޖިންސީ ޢަމަލު ހިންގިކަން އިސްތިއުނާފު ރައްދުވާ ފަރާތަށް އެނގިހުރެ އެކަން ރިޕޯޓު ނުކޮށްހުރިކަން ޝަރީޢަތަށް ސާބިތުވާކަމަށެވެ.

10އިސްވެ ބަޔާންވެދިޔަ ދެ ޤަޟިއްޔާގެ ނިންމުންވެސް އިސްތިއުނާފު ރައްދުވާ ފަރާތުގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފްކޮށްފައިވެއެވެ.

ހައިކޯޓުގެ ނަންބަރު 2018/HC-A/18 ޤަޟިއްޔާ

11ކުޅުދުއްފުށި މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 243/B12C/2016 ޤަޟިއްޔާ (އިތުބާރުކުރެވޭ މަޤާމެއްގައިހުރެ ކުޑަކުއްޖަކު ލައްވައި ޖިންސީ ޢަމަލު ހިންގުވުމުގެ ކުށުގެ ދަޢުވާ) ގެ އިސްތިއުނާފީ މައްސަލަ ހައިކޯޓުން ބަލާފައިވަނީ އެކޯޓުގެ ނަންބަރު 2018/HC-A/18 ޤަޟިއްޔާއިންނެވެ.

12އެ ޤަޟިއްޔާގައި ކުޅުދުއްފުށި މެޖިސްޓްރޭޓް ކޯޓުން ކޮށްފައިވާ ޙުކުމް ހައިކޯޓުން ބާޠިލުކޮށްފައިވެއެވެ. ހައިކޯޓުން މި ގޮތަށް ނިންމާފައިވަނީ، މައްސަލަ ދަށުކޯޓުގައި ހިންގުނުއިރު އިސްތިއުނާފު ރައްދުވާ ފަރާތަށް މައްސަލައިގެ ލިޔުންތައް ލިބުނުކަން ކަށަވަރު ނުކުރެވޭކަން ފާޅުކަން ބޮޑުގޮތެއްގައި އެނގެން އޮންނާތީ އިސްތިއުނާފު ރައްދުވާ ފަރާތަށް ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (ބ) ގައި ބަޔާންކުރާ، ކުށުން ބަރީއަވުމަށް މަސައްކަތްކުރުމަށްޓަކައި އެކަށީގެންވާ ވަޞީލަތް ލިބިދީފައި ނުވާތީއެވެ.

ހައިކޯޓުގެ ނަންބަރު 2018/HC-A/19 ޤަޟިއްޔާ

13ކުޅުދުއްފުށި މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 244/B12C/2016 ޤަޟިއްޔާ (ކުޑަކުއްޖަކާމެދު ޖިންސީ ޢަމަލު ހިންގާކަން އެނގިހުރެ އެކަން ރިޕޯޓް ނުކުރުމުގެ ކުށުގެ ދަޢުވާ) ގެ އިސްތިއުނާފީ މައްސަލަ ހައިކޯޓުން ބަލާފައިވަނީ އެކޯޓުގެ ނަންބަރު 2018/HC-A/19 ޤަޟިއްޔާއިންނެވެ.

14އެ ޤަޟިއްޔާގައިވެސް ކުޅުދުއްފުށި މެޖިސްޓްރޭޓް ކޯޓުން ކޮށްފައިވާ ޙުކުމް ހައިކޯޓުން ބާޠިލުކޮށްފައިވެއެވެ. މިޙުކުމަށް ވާޞިލްވުމުގައި ހައިކޯޓުން ރިޢާޔަތްކޮށްފައިވަނީ އަންނަނިވި ކަންކަމަށެވެ.

14.1- މި މައްސަލަ ދަށުކޯޓުގައި ހިންގުނުއިރު އިސްތިއުނާފު ރައްދުވާ ފަރާތަށް މައްސަލައިގެ ލިޔުންތައް ލިބުނުކަން ކަށަވަރު ނުކުރެވޭކަން ފާޅުކަން ބޮޑުގޮތެއްގައި އެނގެން އޮންނާތީ އިސްތިއުނާފު ރައްދުވާ ފަރާތަށް ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (ބ) ގައި ބަޔާންކުރާ، ކުށުން ބަރީއަވުމަށް މަސައްކަތްކުރުމަށްޓަކައި އެކަށީގެންވާ ވަޞީލަތް ލިބިދީފައިނުވާކަން؛ އަދި 14.2- އިސްތިއުނާފު ރައްދުވާ ފަރާތުގެ މައްޗަށް އުފުލާފައިވާ ކުޑަކުއްޖަކާއެކު ޖިންސީ ޢަމަލެއް ހިނގާކަން އެނގިހުރެ އެކަން ރިޕޯޓު ނުކުރުމުގެ ކުށުގެ ދަޢުވާއަކީ ތުހުމަތުކޮށް ތަޙުޤީޤުކުރެވުނު ކުށްނޫން އެހެން ކުށެއްގެ މައްޗަށް ކޮށްފައިވާ ދަޢުވާއެއްކަމަށް ބެލެވެން އޮތުން.

ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައިވާ ނުކުތާތަކާއި އެ ނުކުތާތަކަށް ދީފައިވާ ރައްދު

15ހައިކޯޓުން އިސްވެ ބަޔާންވެދިޔަ މައްސަލަތައް ނިންމުމުގައި ޝަރުޢީ އަދި ޤާނޫނީ އުސޫލުތަކާ ޚިލާފުވެފައިވާ ކަމަށް ފެންނަ ނުކުތާގެ ގޮތުގައި ދައުލަތުން އިސްތިއުނާފީ ދެ ނުކުތާއެއް ސުޕްރީމް ކޯޓަށް ހުށަހަޅާފައިވެއެވެ.

16މިގޮތުން ހައިކޯޓުގެ ނަންބަރު 2018/HC-A/18 ޤަޟިއްޔާ އިސްތިއުނާފުކުރަމުން ދައުލަތުން ހުށަހަޅާފައިވަނީ އެންމެ ނުކުތާއެކެވެ. މިއީ ހައިކޯޓުގެ ނަންބަރު 2018/HC-A/19 ޤަޟިއްޔާ އިސްތިއުނާފުކުރަމުންވެސް ހުށަހަޅާފައިވާ ނުކުތާއެކެވެ. އެނުކުތާއަކީ، 'ކުށުން ބަރީއަވުމަށް މަސައްކަތްކުރުމަށްޓަކައި އިސްތިއުނާފު ރައްދުވާ ފަރާތަށް އެކަށީގެންވާ ވަޞީލަތް ލިބިދީފައިނުވާކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ކަނޑައަޅާފައިވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (ބ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އިސްތިއުނާފު ރައްދުވާ ފަރާތަށް އެޙައްޤު ލިބިދީފައިވަނިކޮށް' ކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ. މިނުކުތާގެ ތަފްސީލުގައި އިސްތިއުނާފްކުރާ ފަރާތުން އަންނަނިވި ކަންކަން ފާހަގަކޮށްފައިވެއެވެ.

16.1- ދަޢުވާއިން ބަރީއަވެ ދިފާޢުވުމަށް ބޭނުންވާ ވަޞީލަތްތައް ފޯރުކޮށްނުދީ މައްސަލައިގެ ޝަރީޢަތް ހިންގައި، ޙުކުމް ކޮށްފައިވާކަމަށް އިސްތިއުނާފު ރައްދުވާ ފަރާތުގެ ފަރާތުން ފާހަގަކޮށްފައިވަނީ މި މައްސަލައިގެ އިސްތިއުނާފީ މަރުޙަލާ ކުރިއަށް ދިޔައިރު ދިވެހިރާއްޖޭގެ ހައިކޯޓުގައިކަން؛

16.2- މައްސަލަ ދަށުކޯޓުގައި ހިންގި ދުވަސްވަރު އިސްތިއުނާފު ރައްދުވާ ފަރާތް މައްސަލައިގެ ލިޔުންތައް ހޯދިކަމުގެ އެއްވެސް ރެކޯޑެއް މައްސަލަ ހިންގި ދަށު ކޯޓުގައި ނެތްކަމަށާއި، ސަބަބަކީ އެދުވަސްވަރު އެކަންކަން ލިޔުމުން ރެކޯޑްކުރަމުން ނުދިއުމުންކަމަށް ކޯޓުން މަޢުލޫމާތު ދީފައިވާކަން؛

16.3- އިސްތިއުނާފު ރައްދުވާ ފަރާތުގެ މައްޗަށް ހުށަހެޅުނު މި މައްސަލައިގައި ޖަވާބުދާރީވެ، ދައުލަތުން ހާޟިރުވި ހެކިންނާ ސުވާލުކޮށްފައިވާތީ އެކަމުންވެސް އިސްތިއުނާފު ރައްދުވާ ފަރާތަށް މައްސަލައިގެ ލިޔުންތައް އޭރު ލިބިފައިވާކަމަށް ޤަބޫލުކުރެވޭކަން؛

16.4- އިސްތިއުނާފު ރައްދުވާ ފަރާތް ޝަރީޢަތުގެ މަޖިލީހުގައި ދަޢުވާއަށް އިންކާރު ކުރިނަމަވެސް ތަޙުޤީޤަށް ބަޔާންދީ އެބަޔާނުގައި ސޮއިކޮށްފައިވާނެކަމަށް އެއްބަސްވެފައިވާކަމާއި، އަދި ތަޙުޤީޤުގައި ބަޔާންދިނުމަށް ތަޙުޤީޤުކުރި ފަރާތުން ނުވަތަ އެނޫންވެސް ފަރާތަކުން މަޖުބޫރު ކުރިކަމަށް ފާހަގަކޮށްފައި ނުވާކަން؛ އަދި 16.5- މިމައްސަލައިގެ ޝަރީޢަތް ހިނގަމުންދިޔަ ދުވަސްވަރު ޖިނާއީ މައްސަލަތައް ހިންގުމުގައި ޢަމަލުކުރަމުންދިޔަ އިޖުރާއަތުގެ ދަށުން ދަޢުވާއާއެކު ހެކީގެ ގޮތުގައި ހުށަހަޅާ ލިޔުންތައް ދިނުން ޤާނޫނަކުން ނުވަތަ ގަވާއިދަކުން ލާޒިމްކޮށްފައި ނުވާކަން.

17ހައިކޯޓުގެ ނަންބަރު 2018/HC-A/19 ޤަޟިއްޔާ އިސްތިއުނާފު ކުރަމުން ދައުލަތުން ދެވަނަ އިސްތިއުނާފީ ނުކުތާއެއް ހުށަހަޅާފައިވެއެވެ. އެއީ، އިސްތިއުނާފު ރައްދުވާ ފަރާތުގެ މައްޗަށް އުފުލާފައިވާ ކުޑަކުއްޖަކާއެކު ޖިންސީ ޢަމަލެއް ހިންގާކަން އެނގިހުރެ އެކަން ރިޕޯޓު ނުކުރުމުގެ ކުށުގެ ދަޢުވާއަކީ އިސްތިއުނާފު ރައްދުވާ ފަރާތުގެ މައްޗަށް ތުހުމަތުކޮށް ތަޙުޤީޤުކުރެވުނު ކުށްނޫން އެހެން ކުށެއްކަމަށް ހައިކޯޓުން ކަނޑައަޅާފައިވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 48 ވަނަ މާއްދާއާ ޚިލާފަށްކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ. މިނުކުތާ ތަފްޞީލު ކުރަމުން ދައުލަތުން އަންނަނިވި ކަންކަން ފާހަގަކޮށްފައިވެއެވެ.

17.1- މިމައްސަލައަކީ ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) އަށް ޢަމަލުކުރަން ފެށުމުގެ ކުރިން ދަޢުވާކޮށްފައިވާ މައްސަލައެއްކަމުން މިމައްސަލަ ހުށަހެޅުމުގައި ޢަމަލުކުރެވިފައިވާ އިޖުރާއަތުގެ ސައްޙަކަން ބެލުމުގައި ރިޢާޔަތްކުރަން ޖެހޭނީ ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް ޢަމަލުކުރަން ފެށުމުގެ ކުރީގެ ގަވާއިދުތަކާއި އުސޫލުތަކަށްކަން؛

17.2- އިސްތިއުނާފު ރައްދުވާ ފަރާތް ހައްޔަރު ކުރެވުނު ސަބަބު ހައްޔަރު ކުރެވުނު ވަގުތު އަންގާފައިވާކަން ލިޔުމުން އެނގެން އޮތްކަން؛

17.3- މި މައްސަލައިގައި އިސްތިއުނާފު ރައްދުވާ ފަރާތުގެ މައްޗަށް ކުރެވުނީ ދެ ދަޢުވާ ކަމާއި އެއީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 10 ވަނަ މާއްދާގެ ދަށުން އިތުބާރުކުރެވޭ މަޤާމެއްގައިހުރެ ކުޑަކުއްޖަކާމެދު ޖިންސީ ޢަމަލެއް ހިންގުމުގެ ކުށުގެ ދަޢުވާއާއި، އެ ޤާނޫނުގެ 53 ވަނަ މާއްދާއާއި ޙަވާލާދީ، ކުޑަކުއްޖަކާމެދު ޖިންސީ ޢަމަލެއް ހިންގާކަން އެނގިހުރެ އެކަން ރިޕޯޓް ނުކުރުމުގެ ކުށުގެ ދަޢުވާކަން؛

17.4- ހައްޔަރުކުރި ވަގުތު ކުޑަކުއްޖަކާމެދު ޖިންސީ ޢަމަލެއް ހިންގާކަން އެނގިހުރެ އެކަން ރިޕޯޓް ނުކުރުމުގެ ކުށުގެ ތުހުމަތު އިއްވާފައި ނުވި ނަމަވެސް މައްސަލައެއް ތަޙުޤީޤުކޮށް ލިބޭ ހެއްކާއި ޤަރީނާތަކަށް ބަލައި ހައްޔަރުކުރިއިރު ނެތް ތުހުމަތަކަށް ދަޢުވާކުރުމަށް ޤާނޫނީ ހުރަހެއް ނެތްކަން؛ އަދި 17.5- މި މައްސަލަ ތަޙުޤީޤުކުރި ދުވަސްވަރު ކުށުގެ ތުހުމަތުކުރެވޭ މީހާއަށް ޤާނޫނީ އިންޒާރު ވަކި ގޮތަކަށް ދިނުން ލާޒިމެއް ނުވާކަމާއި މިހާރު ޢަމަލުކުރަމުންދާ ގޮތާ ޚިލާފަށް އެދުވަސްވަރު ކުރެވޭ ތުހުމަތު އޮންނަނީ ބަޔާނުގައިކަން.

18މިނުކުތާތަކަށް ޖަވާބުދެމުން އިސްތިއުނާފު ރައްދުވާ ފަރާތުން އަންނަނިވި ކަންކަން ފާހަގަކޮށްފައިވެއެވެ.

18.1- އިންސާފުވެރި ޝަރީޢަތެއް ހިންގުނުކަން ކަށަވަރުކުރުމަކީ ޖިނާއީ ކުށްތަކާއި ގުޅިގެން ކުރާ އެންމެހާ ދަޢުވާތަކާބެހޭ ކަންކަން ބެލެހެއްޓުމުގެ ޒިންމާ ޙަވާލުކުރެވިފައިވާ ފަރާތުގެ ހައިސިއްޔަތުން ޕްރޮސިކިއުޓަރ ޖެނެރަލްގެ މަސްޢޫލިއްޔަތުގެ ތެރޭގައި ހިމެނޭކަމެއްކަން އެނގެން އޮންނައިރު އެއީ ހަމައެކަނި ޝަރީޢަތުގެ އެކަނި ޒިންމާއެއްކަމަށް ޕްރޮސިކިއުޓަރ ޖެނެރަލް ދެކިގެން ނުވާނެކަން؛

18.2- މީހަކު ހައްޔަރުކުރާ ވަގުތު އެމީހާ ހައްޔަރުކުރެވުނު ސަބަބާއި، އެމީހާގެ މައްޗަށް ތުހުމަތުކުރެވުނު ކުށް އެމީހަކަށް އަންގަންވާނެކަމަށް ފުލުހުންނަށް ލިބިފައިވާ އެންމެހާ ޤާނޫނީ ބާރުތަކާއި އިޚްތިޔާރުގެ ބޭނުން ހިފުމާބެހޭ ގަވާއިދުގެ 18 ވަނަ މާއްދާގެ (ހ) ގެ 02 ވަނަ ނަންބަރުގައި ބަޔާންކޮށްފައި އޮންނަކަމާއި، ހައްޔަރުކުރެވުނު މީހާ ހައްޔަރުކުރުން ކިތަންމެ ޖާއިޒު ވެގެންވީ ނަމަވެސް ފުލުހުންނަށް ލިބިފައިވާ އެންމެހާ ޤާނޫނީ ބާރުތަކާއި އިޚްތިޔާރުގެ ބޭނުން ހިފުމާބެހޭ ގަވާއިދުގެ 18 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކަންކަންކުރުން ލާޒިމްކަން އެނގެން އޮންނަކަން؛ އަދި 18.3- މައްސަލައާ ގުޅުންހުރި ލިޔުންތައް އިސްތިއުނާފު ރައްދުވާ ފަރާތަށް ލިބުނުކަން ކަށަވަރު ނުކުރެވޭކަން ފާޅުކަން ބޮޑުގޮތެއްގައި އެނގެން އޮންނާތީ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (ބ) ގައި ބަޔާންކުރާ ކުށުން ބަރީޢަވުމަށް މަސައްކަތްކުރުމަށްޓަކައި އެކަށީގެންވާ ވަޞީލަތް އިސްތިއުނާފު ރައްދުވާ ފަރާތަށް ލިބިދީފައިވާކަން އެނގެން ނެތްކަން.

ތަޙްޤީޤުގައި ތުހުމަތު ކޮށްފައި ނުވާ ކުށަކަށް ދަޢުވާ ކޮށްފައިވުން

19HN1ޖިނާއީ ޢަދުލުގެ ނިޒާމުގެ ތެރެއިން ކުށެއްގެ ތުހުމަތު ކުރެވޭ މީހާއަށް ލިބިދޭންޖެހޭ އެންމެ އަސާސީ އެއް ޙައްޤަކީ، އޭނާގެ މައްޗަށް ކުރެވޭ ތުހުމަތުތަކުން ދިފާޢުވުމަށް އެކަށީގެންވާ ވަގުތާއި ފުރުޞަތު ލިބުމެވެ. މި ފުރުޞަތު ފުރިހަމައަށް ލިބިދެވޭނީ، ތަޙްޤީޤު މަރުޙަލާގައި ކުރެވޭ ތުހުމަތާއި، ޝަރީޢަތަށް ހުށަހެޅޭ ދަޢުވާއާ ދެމެދު ސީދާ ގުޅުމެއް އޮވެގެންނެވެ. ތަޙްޤީޤުގައި ތުހުމަތު ކޮށްފައި ނުވާ ކުށަކަށް ދަޢުވާ ކުރުމަކީ ޤާނޫނީ ގޮތުން ބޮޑެތި ސުވާލުތަކެއް އުފެދޭ ކަމެކެވެ.

20HN2ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުން، ކުށެއްގެ ތުހުމަތު ކުރެވޭ ކޮންމެ މީހަކަށްމެ، އެ މީހެއްގެ މައްޗަށް ކުރެވެނީ ކޮން ތުހުމަތެއްކަން ލަސްނުކޮށް އެ މީހަކަށް ފަހުމުވާ ބަހަކުން އެންގުމުގެ ޙައްޤު ލިބިގެންވެއެވެ. މި ޙައްޤުގެ އަސާސަކީ، ތަޙްޤީޤު މަރުޙަލާގައި ކުރެވޭ ސުވާލުތަކަށް ޖަވާބުދާރީވެ، އެ މީހެއްގެ ދިފާޢު ބިނާކުރުމަށް މަގުފަހިކޮށްދިނުމެވެ. ތަޙްޤީޤުގައި އެއްވެސް ވަރަކަށް ސުވާލު ނުކުރާ ނުވަތަ ތުހުމަތު ހިއްސާނުކުރާ ކުށަކަށް ކޯޓުގައި ދަޢުވާ އުފުލުމަކީ، މި ދުސްތޫރީ ޙައްޤަށް އުނިކަން އަންނަ ކަމެކެވެ.

21HN3ޖިނާއީ އިޖުރާއަތުގެ ޤާނޫނު ބައްޓަންވެފައިވާ ގޮތުން، ޕްރޮސިކިއުޓަރ ޖެނެރަލް މީހެއްގެ މައްޗަށް ދަޢުވާ އުފުލަންވާނީ، ތަޙްޤީޤީ އިދާރާއަކުން ފުރިހަމަ ތަޙްޤީޤެއް ހިންގުމަށްފަހު ފޮނުވާ މައްސަލަތަކުގައެވެ. ތަޙްޤީޤަކީ ދަޢުވާގެ ބިންގަލެވެ. ތަޙްޤީޤުގައި ތުހުމަތު ނުކުރާ ކަމަކަށް ދަޢުވާ ކުރުމުން، ދަޢުވާ ލިބޭ މީހާއަށް ކުއްލި ސިހުމެއް ލިބި، އޭނާގެ ދިފާޢީ ވަކީލާއެކު ތައްޔާރުވާންޖެހޭ ކަންކަމަށް ހުރަސް އެޅެއެވެ. މިއީ އިޖުރާއީ އިންޞާފު (Procedural Justice) ގެއްލިގެންދާ ކަމެކެވެ. މި ސަބަބަށްޓަކައި ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 5 ވަނަ މާއްދާގައި "ދައުލަތުން ކުރާ ކޮންމެ ޖިނާއީ ދަޢުވާއެއްގައި އެކުލެވިގެންވާ ކުށުގެ މައްސަލަ، އެކަށީގެންވާ މިންވަރަކަށް ތަޙްޤީޤުކުރެވިފައި އޮންނަންވާނެއެވެ." މި ފަދައިން ބަޔާންކޮށްފައިވެއެވެ. އިސްތިއުނާފު ރައްދުވާ ފަރާތުގެ މައްޗަށް ތުހުމަތު ކުރެވި، ތަޙުޤީޤު ހިންގައި، މައްސަލަ ދަށުކޯޓަށް ހުށަހަޅާފައިވަނީ ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް ޢަމަލުކުރަން ފެށުމުގެ ކުރިން ކަމުގައި ނަމަވެސް، އިސްވެ ބަޔާންވެދިޔަ އުސޫލުތަކަކީ ތަބީޢީ އިންސާފުގެ ހަމަތަކެއް ކަމަށްވާތީ، މިހާރު ޢަމަލުކުރެވެމުންދާ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށް ޢަމަލުކުރަން ފެށުމަށްފަހު، ރާއްޖޭގައި މިކަމުގައި ޢަމަލު ކުރަމުންއައީ އެގޮތަށެވެ.

22ތަޙްޤީޤުގައި ސުވާލު ނުކުރާ ކުށަކަށް ދަޢުވާ ކުރުމަކީ އެ ދަޢުވާއެއް ބާޠިލުވުމަށް އޮތް ސަބަބެކެވެ. ސަބަބަކީ، ތަޙްޤީޤު މަރުޙަލާގައި ދިން ބަޔާނަކީ ކުރެވުނު ވަކި ތުހުމަތަކަށް އަމާޒުކޮށް ދީފައިވާ ބަޔާނަކަށް ވުމެވެ. މުޅިން ތަފާތު ކުށަކަށް ދަޢުވާ ކުރުމުން، އެ ދަޢުވާއަށް އިންކާރު ކުރުމުގެ ނުވަތަ ދިފާޢީ ހެކި ހުށަހެޅުމުގެ ފުރުޞަތު ތަޙްޤީޤު މަރުޙަލާގައި ގެއްލިގެންދެއެވެ. މިސާލަކަށް، ވައްކަމުގެ ތުހުމަތުގައި ސުވާލުކޮށްފައި، މަކަރާއި ޙީލަތުގެ ދަޢުވާ އުފުލުމަކީ، ދެ ކުށުގެ އުންޞުރުތައް ތަފާތުވުމުން ދިފާޢުވުމަށް އުނދަގޫވާނެ ކަމެކެވެ.

232 ޖުލައި 2017 ގައި ރާއްޖޭގެ ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް ޢަމަލު ކުރަން ފެށުމާއެކު، ކުށުގެ ތުހުމަތު ކުރެވޭ މީހުންނާ ސުވާލު ކުރަން ފެށުމުގެ ކުރިން އޭނާއަށް ޤާނޫނުގައިވާ ގޮތުގެ މަތީން ޤާނޫނީ އިންޒާރު ދޭންފެށުނެވެ. ޤާނޫނީ އިންޒާރުގައި ހިމެނޭ އެންމެ ފުރަތަމަ ކަމަކީ އެމީހެއްގެ މައްޗަށް ތުހުމަތު ކުރެވެނީ ކޮން ޤާނޫނެއްގެ ކޮން މާއްދާއެއްގައި ބަޔާންކޮށްފައިވާ ކުށެއްކަން އޭނާއަށް އެންގުމެވެ. މިގޮތުން އަނގަބަހުން އެންގުމަށްފަހު ލިޔުމުންވެސް އެކަން އަންގައެވެ.

24HN4ސުވާލަކީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ ކުރިން ޢަމަލު ކުރަމުން ދިޔަ ގޮތަކީ ކޮބައިތޯއެވެ. ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް ޢަމަލު ކުރަން ފެށުމުގެ ކުރީގައި ތުހުމަތު ކުރާ ކުށުގެ ޤާނޫނާއި މާއްދާ ނަންބަރު ބުނެދޭން އެއްވެސް ގަވާއިދަކުން ލާޒިމްކޮށްފައިނެތެވެ. ނަމަވެސް ތަޙްޤީގުގައި އެމީހަކާއި އެކަމަކާއި ގުޅިގެން ސުވާލު ނުކުރެވޭ ކަމެއްގައި ދަޢުވާ ނުއުފުލައެވެ. އެއީ ކުރިން މި ބަޔާންކުރި، ޤާނޫނުއަސާސީ އިން ތައާރަފުކުރި އަސާސްތަކުގެ މައްޗަށް ބިނާކޮށެވެ.

25މި މައްސަލައިގައި އިސްތިއުނާފު ރައްދުވާ ފަރާތުގެ މައްޗަށް ދަޢުވާ އުފުލާފައިވާ ކުޑަކުއްޖަކާމެދު ޖިންސީ ޢަމަލު ހިންގާކަން އެނގިހުރެ އެކަން ރިޕޯޓް ނުކުރުމުގެ ކުށުގެ ދަޢުވާގެ ކުށުގެ ޢަމަލާއި ގުޅޭ ގޮތުން އިސްތިއުނާފު ރައްދުވާ ފަރާތާ ތަޙްޤީޤުގައި ސުވާލުކޮށްފައިވާކަން އިސްތިއުނާފު ރައްދުވާ ފަރާތް ގެ ތަޙްޤީޤު ބަޔާނުގެ ދެވަނަ ޞަފްޙާއިން އެނގެން އެބައޮތެވެ. އެކަމާއި ގުޅޭ ގޮތުން ސުވާލު ކުރުމުން އިސްތިއުނާފު ރައްދުވާ ފަރާތް ބުނެފައިވާ ވާހަކަތަކަށް ބަލާއިރު، އޭނާގެ ދަރިފުޅަށް ޖިންސީ ގޯނަ ކުރާކަން އެނގި ހުރެ އޭނާ އެކަން ސިއްރުކޮށްފައިވާ ކަމަށް ބުނެފައިވާކަން ފާހަގަކުރެވެއެވެ.

26މިގޮތުން އިސްތިއުނާފު ރައްދުވާ ފަރާތުގެ މައްޗަށް ދަޢުވާ އުފުލާފައިވާ ކުޑަކުއްޖަކާމެދު ޖިންސީ ޢަމަލު ހިންގާކަން އެނގިހުރެ އެކަން ރިޕޯޓް ނުކުރުމުގެ މައްސަލައިގައި އެކަމާއި ގުޅޭ ގޮތުން ތަޙްޤީޤުގައި ސުވާލު ކުރިކަން އެނގެން އޮތުމާއި، އޭރު ޢަމަލުކުރުމުންދިޔަ ގޮތަށް ބަލާއިރު، އެކުށުގެ ދަޢުވާ އުފުލާފައިވަނީ ރަނގަޅަށް ކަމަށް އަހުރެންނަށް ބުރަވެވެއެވެ.

ޝަރީޢަތް ފެށުމުގެކުރިން ދަޢުވާގެ ލިޔުންތައް ދަޢުވާލިބޭ ފަރާތަށް ލިބިދިނުން

27HN5ޢަދުލުވެރި ޝަރީޢަތެއް ކަށަވަރުކުރުމަށްޓަކައި ހަމަހަމަކަމާއެކު ދެފަރާތަށް ވާހަކަދެއްކުމުގެ ފުރުޞަތު ދިނުމާއި، ތަޢައްޞުބުން އެއްކިބާވެފައިވާ މާޙައުލެއްގައި މައްސަލަ ބެލުމަކީ ކޮންމެހެން ބޭނުންތެރި ކަމެކެވެ. މިގޮތުން، ޝަރީޢަތް ފެށުމުގެ ކުރިން ދަޢުވާގެ ލިޔުންތައް ދަޢުވާލިބޭ ފަރާތަށް ޢަދުލުވެރި ޝަރީޢަތެއްގެ އެންމެ އަސާސީ އެއް ރުކުނެވެ. ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (ބ) ގައި ބަޔާންވެގެންވަނީ ކުށުން ބަރީއަ ވުމަށްޓަކައި ތުހުމަތު ކުރެވޭ މީހާއަށް އެކަށީގެންވާ ވަގުތާއި އެކަށީގެންވާ ވަސީލަތް ލިބިދެވެންވާނެ ކަމަށެވެ. ޝަރީޢަތް ފެށުމުގެ ކުރިން ދަޢުވާގެ ލިޔުންތަކާއި ހެކިތައް ދަޢުވާލިބޭ ފަރާތަށް ނުލިބުމަކީ، އެމީހެއްގެ މައްޗަށް ކުރެވޭ ތުހުމަތުތަކުގެ ތަފްޞީލު ނޭންގި، ދިފާޢުވުމަށް ހުރަސް އެޅޭނެ ކަމެކެވެ. ދަޢުވާގެ ލިޔުންތައް ދުރާލާ ނުލިބިއްޖެނަމަ، ދަޢުވާލިބޭ ފަރާތް ހުންނާނީ 'ކަނު' ޙާލަތެއްގައެވެ.

28ދިވެހިރާއްޖޭގެ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ ދަށުން ދައުލަތުން ދަޢުވާ އުފުލުމަށްފަހު، އެ ދަޢުވާއަކާ ގުޅުންހުރި އެންމެހާ ލިޔުންތަކާއި ހެކިތަކުގެ ލިސްޓު ދަޢުވާލިބޭ ފަރާތަށް ފޯރުކޮށްދޭންޖެހެއެވެ. މީގެ ތެރޭގައި ތަޙުޤީޤު ބަޔާންތަކާއި، ފޮރެންސިކް ރިޕޯޓުތަކާއި، އަދި ދައުލަތުން ޝަރީޢަތުގައި ބޭނުންކުރަން ގަސްތުކުރާ ހުރިހާ ހެކިތަކެއް ހިމެނެއެވެ. ޝަރީޢަތް ފެށުމުގެ ކުރިން މި ލިޔުންތައް ނުލިބިއްޖެނަމަ، "އިބްތިދާއީ އަޑުއެހުން" ތަކުގައި ބައިވެރިވެ، ދަޢުވާއަށް ޖަވާބުދާރީވުމަކީ ކުރެވޭނެ ކަމެއް ނޫނެވެ. ލިޔުންތައް ނުލިބުމުގެ ސަބަބުން ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ "Equality of Arms" ނުވަތަ ދެފަރާތުގެ މެދުގައި އޮންނަންޖެހޭ ހަމަހަމަކަން ގެއްލުމެވެ. ދައުލަތުގެ އަތުގައި ހުރިހާ މަޢުލޫމާތެއް ހުރެފައި، ދަޢުވާލިބޭ ފަރާތުގެ އަތުގައި އެއްވެސް އެއްޗެއް ނެތުމަކީ ބޭއިންޞާފެކެވެ. ޖިނާއީ އިޖުރާއަތުގެ ޤާނޫނު ލާޒިމް ކުރާގޮތަށް ބަލާއިރު، ދަޢުވާގެ ލިޔުންތައް ދަޢުވާލިބޭފަރާތަށް ލިބޭތާ 30 ދުވަސް ފާއިތުވުމުގެ ކުރިން ޝަރީޢަތުގެ އަޑުއެހުމަށް ތާވަލްކޮށްގެން ނުވާނެކަމަށް ބަޔާންކޮށްފައިވާކަން ފާހަގަކުރެވެއެވެ. ސަބަބަކީ ލިޔުންތައް ލިބިގެން ނޫނީ ޝަރީޢަތުގައި އަމިއްލަ ނަފުސު ދިފާޢުކުރަން ތައްޔާރު ނުވެވޭނޭތީއެވެ. އެކަމަށްޓަކައި އެކަށީގެންވާ ވަގުތު ލިބިދިނުމުގެ ގޮތުންނެވެ.

29ދިވެހިރާއްޖެއިން ސޮއިކޮށްފައިވާ ބައިނަލްއަޤުވާމީ މުޢާހަދާތަކަށް ބަލާއިރު، "އިންޓަރނޭޝަނަލް ކޮވެނަންޓް އޮން ސިވިލް އެންޑް ޕޮލިޓިކަލް ރައިޓްސް" (ICCPR) ގެ 14 ވަނަ މާއްދާގެ 3 ވަނަ ނަންބަރުގެ (b) ގައި ބަޔާންވެގެންވާ ގޮތުގައި، ކޮންމެ މީހަކަށްމެ އެމީހެއްގެ ދިފާޢު ތައްޔާރުކުރުމަށްޓަކައި އެކަށީގެންވާ ވަގުތާއި "ފެސިލިޓީސް" (މަސައްކަތް ކުރެވޭނެ ވަޞީލަތްތައް) ލިބިދޭންޖެހެއެވެ. މިތަނުގައި "ފެސިލިޓީސް" ގެ މާނައިގެ ތެރޭގައި ދަޢުވާލިބޭ ފަރާތުގެ މައްޗަށް ހުރި ހެކިތަކާއި ލިޔުންތައް ބެލުމުގެ ފުރުޞަތު ހިމެނޭކަމަށް އދ. ގެ ހިއުމަން ރައިޓްސް ކޮމިޓީން 2007 ވަނަ އަހަރު ނެރުނު ޖެނެރަލް ކޮމެންޓް ނަންބަރު 32 ގައި ބަޔާންކޮށްފައިވެއެވެ.

30HN6މި މައްސަލައަކީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުނަށް ޢަމަލުކުރަން ފެށުމުގެ ކުރީގެ މައްސަލައެކެވެ. ނަމަވެސް މި ހާދިސާ ހިނގިއިރު ރާއްޖޭގައި މިހާރު ޢަމަލު ކުރަމުންދާ ޤާނޫނުއަސާސީއަށް ވަނީ ޢަމަލު ކުރަން ފަށާފައެވެ. ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (ބ) ގައި ބަޔާންވެގެންވަނީ ކުށުން ބަރީއަވުމަށް މަސައްކަތްކުރުމަށްޓަކައި އެކަށީގެންވާ ވަގުތާއި އެކަށީގެންވާ ވަސީލަތް ލިބެންވާނެ ކަމަށެވެ. ކުރިން ބަޔާންކުރި ފަދައިން ވަސީލަތުގެ ތެރޭގައި މައްސަލައިގެ ލިޔެކިޔުންތައް ފޯރުކޮށްދިނުން ހިމެނެއެވެ. ދަޢުވާލިބޭ މީހާއަށް ލިޔުންތައް ނުދީ އޭނާ ކޯޓަށް ހާޟިރުކޮށް ދަޢުވާ އިއްވިޔަސް، ދިފާޢުވުމަށް ވަސީލަތް ފޯރުކޮށްދިން ކަމަށް ނުވާނެއެވެ. އެތަކެތި ބަލައި ދިރާސާކުރަން އެކަށީގެންވާ ވަގުތު ލިބެން ޖެހެއެވެ.

31މިގޮތުން މި މައްސަލައިގެ ޝަރީޢަތް ދަށު ކޯޓުގައި ހިންގިއިރު ވެސް ޝަރީޢަތް ފެށުމުގެ ކުރިން ދަޢުވާގެ ލިޔުންތައް ދަޢުވާ ލިބޭފަރާތަށް ލިބިދިނުމަކީ ލާޒިމް ކަމެކެވެ. ނަމަވެސް އެއިރު އެކަމުގައި ކަންކުރާނެ ގޮތުގެ އިޖުރާއަތެއް ލިޔެފައި ނެތެވެ. އެއިރު ޢަމަލުކުރަމުން ދިޔަ ގޮތަކީ ދަޢުވާގެ ލިޔުންތަކަށް ދަޢުވާ ލިބޭ ފަރާތުން އެދުމުން ކޯޓުން އެލިޔުންތައް ދަޢުވާ ލިބޭ ފަރާތަށް ފޯރުކޮށްދިނުމެވެ. އެކަންކަމުގެ ރެކޯޑްތައް ލިޔުމުން ބަލަހައްޓަން އޭރު ލާޒިމްކޮށްފައި ނުވާތީ، ކޯޓުތަކުން އެފަދައިން ލިޔެކިޔުންތައް ރައްދުކުރެވުނުކަން އާންމުކޮށް ރެކޯޑު ކުރަމުން ގޮސްފައިނުވެއެވެ.

32HN7އިސްތިއުނާފު ރައްދުވާ ފަރާތަށް ލިޔުންތައް ދިނުމުގައި ކަންހިނގައިދިޔަ ގޮތް އޮޅުންފިލުވައިދިނުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން އެދުމުން ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުން ފޮނުވި ސިޓީ ހައިކޯޓަށް ހުށަހެޅިފައިވެއެވެ. އެސިޓީގައި މެޖިސްޓްރޭޓް ކޯޓުން ބުނެފައިވާ ވާހަކަތަކަށްބަލާއިރު، ލިޔުންތައް އިސްތިއުނާފު ރައްދުވާ ފަރާތަށް ދޫކުރިކަން އެކޯޓުގެ ރެކޯޑްތަކުން އެނގެން ނެތް ކަމަށާއި، ޖިނާއީ އިޖުރާއަތުގެ ޤާނޫނާއި ގަވާއިދު ވުޖޫދުވުމުގެ ކުރިން އެދުވަސްވަރު ޖިނާއީ މައްސަލަތަކުގައި ދަޢުވާލިބޭ ފަރާތާ ޙަވާލުކުރެވޭ ލިޔުންތައް ޙަވާލުކުރަމުން އައީ ޝަރީޢަތުގެ މަޖިލީހުގައި ފަނޑިޔާރުގެ ކުރިމަތީގައިކަމާއި، ޢާންމު އުސޫލަކުން އެގޮތަށް ލިޔުންތައް ޙަވާލުކުރަނީ ވަކިފޮތެއްގައި ލިޔެ ސޮއި ކުރުމަށްފަހު ނޫންކަމުން، އެފަދަ ލިޔުމެއް އެކޯޓުގެ ރެކޯޑްތަކުން ފެންނަން ނެތްކަމުގައި ބުނެފައިވާކަން ފާހަގަކުރެވެއެވެ.

33ދަށުކޯޓުގެ މަޙްޟަރު ބަޔާންތަކަށް ބަލާއިރު، އިސްތިއުނާފު ރައްދުވާ ފަރާތަށް ދަޢުވާގެ ލިޔުންތައް ނުލިބިގެން ޝަކުވާ ކޮށްފައި އޮތްކަމަށް ފެންނަން ނެތްކަން ފާހަގަކުރެވެއެވެ. އިސްތިއުނާފު ރައްދުވާ ފަރާތް ދިފާޢީ ވަކީލެއް ހަމަޖެއްސުމަށް އެދުމުން ވަކީލެއް ހަމަޖެއްސުމަށް ފުރަތަމަ ފަހަރު 15 ދުވަސް، އޭގެފަހުން 7 ދުވަހުގެ ފުރުޞަތު ދެފަރަހަރެއްގެ މަތީން ދީފައިވާކަން އެނގެން އެބައޮތެވެ. ވަކީލަކާއި ނުލައި ޝަރީޢަތް ކުރިއަށް ގެންގޮސްފައިވަނީ ވަކީލެއް ހަމަޖައްސަން އެކަށީގެންވާ ފުރުޞަތު ދިނުމަށްފަހުގައި ކަން އެނގެއެވެ. އިތުރު ޙައްޤެއް ނުލިބިގެން އިސްތިއުނާފު ރައްދުވާ ފަރާތް ޝަކުވާ ކޮށްފައި ނުވެއެވެ.

34މަޙްޟަރު ބަޔާންތަކަށް ބަލާއިރު، އިސްތިއުނާފު ރައްދުވާ ފަރާތް ދަޢުވާ އަށް ޖަވާބުދާރީ ވަމުން ދަޢުވާއަށް އިންކާރު ކުރާކަމަށް ބުނެފައިވެއެވެ. ދަޢުވާއަށް އިންކާރު ކުރާ ވާހަކަ ބުނަމުން ތަޙްޤީޤަށް އިސްތިއުނާފު ރައްދުވާ ފަރާތް ދީފައިވާ ބަޔާނާއި ޙަވާލާދީ ވާހަކަ ދައްކާފައިވެއެވެ. ތަޙްޤީޤު ބަޔާނާއި ޙަވާލާދީ އިސްތިއުނާފު ރައްދުވާ ފަރާތް ބުނެފައިވަނީ، "އެދުވަހު ތަޙްޤީޤު ބަޔާނުގައި އަޅުގަނޑު ސޮއިކޮށްފައިވާނީ އަޅުގަނޑަށް އަވަހަށް ގެއަށް ދެވޭނެކަމަށް ހީކޮށޭ" މިހެންނެވެ. އިސްތިއުނާފު ރައްދުވާ ފަރާތް ދަޢުވާއަށް އިންކާރު ކުރުމުން ދަޢުވާ ސާބިތު ކުރުމަށް ދައުލަތުން ހުށަހެޅި ހެކިންނާއި އިސްތިއުނާފު ރައްދުވާ ފަރާތް ސުވާލު ކޮށްފައިވާކަން ފާހަގަކުރެވެއެވެ. މިގޮތުން ހެކިންގެ ގޮތުގައި ދައުލަތުން ހުށަހެޅި ހެކިންގެތެރެއިން [ނަމާއި އެޑްރެސް އުނިކުރެވިފައި] އާއި ހދ.ފެމިލީ އެންޑް ޗިލްޑްރެން ސަރވިސް ސެންޓަރ (ހދ.އެފް.ސީ.އެސް.ސީ) ގެ މެނޭޖަރ އާއި މައްސަލަ ތަޙްޤީޤްކުރި ޕޮލިސް ސާރޖަންޓްގެ ހެކިބަސް ޝަރީޢަތުގައި ނެގުނުއިރު ހެކިންނާއި ދައުލަތުން ސުވާލުކޮށް ނިމުމުން އިސްތިއުނާފު ރައްދުވާ ފަރާތް ހެކިންނާ ސުވާލުކޮށްފައިވެއެވެ. ހެކިންގެ ތެރެއިން ބައެއް ބޭފުޅުންނަކީ އެބޭފުޅުން ތައްޔާރުކޮށް ޝަރީޢަތަށް ހުށައެޅި ރިޕޯޓުތަކާއި ގުޅިގެން ޙާޟިރު ކުރެވުނު ފަރާތްތަކަށްވެފައި، ޝަރީޢަތުގައި ވާހަކަ ދެކެވިފައިވަނީ އެރިޕޯޓުތަކާއި ގުޅިގެން ކަމަށްވާއިރު، އެހެކިންނާއި އިސްތިއުނާފު ރައްދުވާ ފަރާތް ވެސް ސުވާލުކޮށް ދެކެވުނު ވާހަކަތައް އަކުރުން އަކުރަށް މަޙްޟަރު ކުރެވިފައިވާއިރު، އެރިޕޯޓުތައް އިސްތިއުނާފު ރައްދުވާ ފަރާތަށް ލިބިފައި ނުވާކަމަށް އިސްތިއުނާފު ރައްދުވާ ފަރާތް ބުނެފައި ނުވާކަން ފާހަގަވެއެވެ. މައްސަލައިގެ ޝަރީޢަތް ދަށުކޯޓުގައި ހިނގިއިރު ޖިނާޢީ ޢަދުލުގެ ނިޒާމުގެ ތެރޭގައި ކަންކަން ރޭވިފައިވާ ގޮތަށާއި، މައްސަލައިގެ މަޙްޟަރު ބަޔާންތަކާއި، ޝަރީޢަތުގައި ކަންހިނގައިދިޔަ ގޮތާމެދު ތައައްމުލުކޮށް ވިސްނާބަލާއިރު، ދަޢުވާއާގުޅޭ ލިޔުންތައް އިސްތިއުނާފު ރައްދުވާ ފަރާތަށް ނުލިބި ވުމަށްވުރެ، ލިބިފައިވުން ގާތްކަމަށް އަހުރެންނަށް ބުރަވެވެއެވެ.

35HN8އިސްތިއުނާފު ރައްދުވާ ފަރާތުގެ ފަރާތުން މިމައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރިއިރު މިމައްސަލައިގެ ދަށު ކޯޓުގެ މަރުޙަލާގެ ހުރިހާ ލިޔުންތަކާއި މަޙްޟަރު ބަޔާންތައްވެސް އިސްތިއުނާފު ރައްދުވާ ފަރާތަށް ލިބިފައިވެއެވެ. ބަޙުސްގެ ބޭނުމަށް އިސްތިއުނާފު ރައްދުވާ ފަރާތަށް ދަށު ކޯޓުގައި ދަޢުވާގެ ލިޔުންތައް ލިބިފައިނުވާ ކަމަށް ބެލި ނަމަވެސް، ހައިކޯޓަށް މައްސަލަ ހުށަހެޅިއިރު، ދަށު ކޯޓުގެ މަރުޙަލާގެ ހުރިހާ ލިޔުންތަކާއި މަޙްޟަރު ބަޔާންތައް ލިބިފައި ހުރި ނަމަވެސް، އިސްތިއުނާފު ރައްދުވާ ފަރާތުގެ ފަރާތުން މައްސަލައިގެ ފެކްޗުއަލް އެއްވެސް ކަމެއް ހައިކޯޓުގައި ތަޢުނުކޮށްފައި ނުވާކަން ފާހަގަކުރެވެއެވެ. ދަށުކޯޓުގެ ލިޔުންތަކާއި މަޙްޟަރު ބަޔާންތައް ބަލައި ދިރާސާކޮށްގެން، އިސްތިއުނާފު ރައްދުވާ ފަރާތުގެ މައްޗަށް ދަށުކޯޓުން ސާބިތުވާކަމަށް ކަނޑައަޅާފައިވާ ދެ ކުށުގެ ޢަމަލުގެ ހަޤީޤަތްތަކާއި ގުޅޭގޮތުން ސުވާލު އުފައްދައި ހައިކޯޓަށް ހުށަހެޅުމުގެ ފުރުޞަތު ފަހިވެފައިއޮވެ، އެކަން ކޮށްފައި ނުވާކަން ފާހަގަކުރެވެއެވެ.

މައްސަލަ ނިންމަން ފެންނަ ގޮތް

36އިސްތިއުނާފު ރައްދުވާ ފަރާތުގެ މައްޗަށް ދަޢުވާ އުފުލާފައިވާ ކުޑަކުއްޖަކާމެދު ޖިންސީ ޢަމަލު ހިންގާކަން އެނގިހުރެ އެކަން ރިޕޯޓް ނުކުރުމުގެ މައްސަލައިގައި އެކަމާއި ގުޅޭ ގޮތުން ތަޙްޤީޤުގައި ސުވާލު ކުރިކަން އެނގެން އޮތުމާއި، އޭރު ޢަމަލުކުރުމުންދިޔަ ގޮތަށް ބަލާއިރު، އެކުށުގެ ދަޢުވާ އުފުލާފައިވަނީ ރަނގަޅަށް ކަމަށްވާތީއާއި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (ބ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، ދަށުކޯޓުން އިސްތިއުނާފު ރައްދުވާ ފަރާތަށް ކުށުން ބަރީއަވުމަށް މަސައްކަތްކުރުމަށްޓަކައި އެކަށީގެންވާ ވަޞީލަތް ލިބިދީފައިނުވާކަމަށް ބެލެވޭނެ ތަނެއް ނެތުމުން، ހައިކޯޓުގެ ނަންބަރު 2018/HC-A/18 ޤަޟިއްޔާއާއި، ހައިކޯޓުގެ ނަންބަރު 2018/HC-A/19 ޤަޟިއްޔާގެ ނިންމުން ބާޠިލުކުރަން އަހުރެންނަށް ފެނެއެވެ.

37އަދި، ކުޅުދުއްފުށި މެޖިސްޓްރޭޓް ކޯޓުގެ 243/B12C/2016 ޤަޟިއްޔާގައި، އިތުބާރުކުރެވޭ މަޤާމެއްގައިހުރެ ކުޑަކުއްޖަކު ލައްވައި ޖިންސީ ޢަމަލު ހިންގުވުމުގެ ކުށުން އިސްތިއުނާފު ރައްދުވާ ފަރާތް ކުށްވެރިވާ ކަމަށް ކަނޑައަޅައި، އިސްތިއުނާފު ރައްދުވާ ފަރާތް 18 (އަށާރަ) އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ކުރި ޙުކުމާއި، ކުޅުދުއްފުށި މެޖިސްޓްރޭޓް ކޯޓުގެ 244/B12C/2016 ޤަޟިއްޔާގައި، ކުޑަކުއްޖަކާމެދު ޖިންސީ ޢަމަލު ހިންގާކަން އެނގިހުރެ އެކަން ރިޕޯޓް ނުކުރުމުގެ ކުށުގެ ދަޢުވާ އިސްތިއުނާފު ރައްދުވާ ފަރާތުގެ މައްޗަށް ސާބިތުވާތީ އެކުށުން އިސްތިއުނާފު ރައްދުވާ ފަރާތް ކުށްވެރިވާ ކަމަށް ކަނޑައަޅައި 06 (ހައެއް) މަސްދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ކުރި ޙުކުމަށް ތާއީދު ކުރަން އަހުރެންނަށް ފެނެއެވެ.

ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔު

38މި މައްސަލައިގައި ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

ފަނޑިޔާރު މުޙައްމަދު ސަލީމްގެ ރައުޔު

39މި މައްސަލައިގައި ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

ޙުކުމް

ދެންފަހެ، އިސްވެ ބަޔާންވެދިޔަ ކަންކަން އެގޮތަށް ހުރުމުން، (ހ) އިސްތިއުނާފު ރައްދުވާ ފަރާތުގެ މައްޗަށް ދަޢުވާ އުފުލާފައިވާ ކުޑަކުއްޖަކާމެދު ޖިންސީ ޢަމަލު ހިންގާކަން އެނގިހުރެ އެކަން ރިޕޯޓް ނުކުރުމުގެ މައްސަލައިގައި އެކަމާ ގުޅޭ ގޮތުން ތަޙްޤީޤުގައި ސުވާލު ކުރިކަން އެނގެން އޮތުމާއި، އޭރު ޢަމަލުކުރުމުންދިޔަ ގޮތަށް ބަލާއިރު، އެކުށުގެ ދަޢުވާ އުފުލާފައިވަނީ ރަނގަޅަށް ކަމަށްވާތީއާއި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (ބ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، ދަށުކޯޓުން އިސްތިއުނާފު ރައްދުވާ ފަރާތަށް ކުށުން ބަރީއަވުމަށް މަސައްކަތްކުރުމަށްޓަކައި އެކަށީގެންވާ ވަޞީލަތް ލިބިދީފައިނުވާކަމަށް ބެލެވޭނެ ތަނެއް ނެތުމުން، ހައިކޯޓުގެ ނަންބަރު 2018/HC-A/18 ޤަޟިއްޔާއާއި، ހައިކޯޓުގެ ނަންބަރު 2018/HC-A/19 ޤަޟިއްޔާގެ ނިންމުން ސުޕްރީމް ކޯޓުގައި މި މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ބާޠިލުކޮށްފީމެވެ.

(ށ) އަދި، ކުޅުދުއްފުށި މެޖިސްޓްރޭޓް ކޯޓުގެ 243/B12C/2016 ޤަޟިއްޔާގައި، އިތުބާރުކުރެވޭ މަޤާމެއްގައިހުރެ ކުޑަކުއްޖަކު ލައްވައި ޖިންސީ ޢަމަލު ހިންގުވުމުގެ ކުށުން އިސްތިއުނާފު ރައްދުވާ ފަރާތް ކުށްވެރިވާ ކަމަށް ކަނޑައަޅައި، އިސްތިއުނާފު ރައްދުވާ ފަރާތް 18 (އަށާރަ) އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ކުރި ޙުކުމާއި، ކުޅުދުއްފުށި މެޖިސްޓްރޭޓް ކޯޓުގެ 244/B12C/2016 ޤަޟިއްޔާގައި، ކުޑަކުއްޖަކާމެދު ޖިންސީ ޢަމަލު ހިންގާކަން އެނގިހުރެ އެކަން ރިޕޯޓް ނުކުރުމުގެ ކުށުގެ ދަޢުވާ އިސްތިއުނާފު ރައްދުވާ ފަރާތުގެ މައްޗަށް ސާބިތުވާތީ އެކުށުން އިސްތިއުނާފު ރައްދުވާ ފަރާތް ކުށްވެރިވާ ކަމަށް ކަނޑައަޅައި 06 (ހައެއް) މަސްދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ކުރި ޙުކުމަށް ސުޕްރީމް ކޯޓުގައި މިމައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ތާއީދުކޮށްފީމެވެ.

މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ:

ޢާއިޝާ ޝުޖޫން މުޙައްމަދު

ޢަލީ ރަޝީދު ޙުސައިން

(ރިޔާސަތު)

މުޙައްމަދު ސަލީމް

ފުޓްނޯޓު

  1. ޤާނޫނު ނަންބަރު 12/2009
  2. ޤާނޫނު ނަންބަރު 12/2009
ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް

  • ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (ހ)
  • ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (ބ)
  • ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 48 ވަނަ މާއްދާ
  • ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 5 ވަނަ މާއްދާ
  • ޤާނޫނު ނަންބަރު 12/2009 (ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު) ގެ 10 ވަނަ މާއްދާ
  • ޤާނޫނު ނަންބަރު 12/2009 (ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު) ގެ 47 ވަނަ މާއްދާ
  • ޤާނޫނު ނަންބަރު 12/2009 (ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު) ގެ 53 ވަނަ މާއްދާ
  • ފުލުހުންނަށް ލިބިފައިވާ އެންމެހާ ޤާނޫނީ ބާރުތަކާއި އިޚްތިޔާރުގެ ބޭނުން ހިފުމާބެހޭ ގަވާއިދުގެ 18 ވަނަ މާއްދާގެ (ހ)
  • އިންޓަރނޭޝަނަލް ކޮވެނަންޓް އޮން ސިވިލް އެންޑް ޕޮލިޓިކަލް ރައިޓްސް (ICCPR) ގެ 14 ވަނަ މާއްދާގެ 3 ވަނަ ނަންބަރުގެ (b)
  • އދ. ގެ ހިއުމަން ރައިޓްސް ކޮމިޓީގެ ޖެނެރަލް ކޮމެންޓް ނަންބަރު 32 (2007)

ޝަރީޢަތުގެ ވީޑިއޯ

މި ޤަޟިއްޔާއާ ގުޅޭ ވީޑިއޯއެއް ނުފެނޭ.

ޝެއަރ ކުރައްވާ