—
ޚުލާޞާ
ޚުލާޞާ ނެތް.
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- —
- ފަހުގެ ތާރީޚު
- —
ނިންމުން
—
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
މި ލިޔުމުން އުޞޫލެއް ނުނެގުނު.
ފަނޑިޔާރުން
- ބެންޗު
- —
- ޚިލާފު ރައުޔު
- ނެތް
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.
ޝަރީޢަތް ނިމުނުގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރު: 242013/SC-A/
ދަޢުވާކުރާ ފަރާތް: އެޓަރނީ ޖެނެރަލްގެ އޮފީސް
ދަޢުވާ ލިބޭ ފަރާތް: މާލޭ ހޯޓެލްސް އެސޯސިއޭޓްސް ޕްރައިވެޓް ލިމިޓެޑް
މައްސަލައިގެ ބާވަތް: ގެއްލުމުގެ ބަދަލު ހޯދުން
މައްސަލަ އައިގޮތް: އިސްތިއުނާފުކުރުމުގެ ހުއްދައަށް އެދި ހުށަހަޅާ ފޯމުން
ހުށަހެޅުނު ތާރީޚް: 08 އޭޕްރީލް 2013
ރަޖިސްޓްރީ ކުރެވުނު ތާރީޚް: 23 އޭޕްރީލް 2013
ނިމުނު ތާރީޚް: 17 ޖޫން 2015
މައްސަލަ ނިންމި ގަޑި: 15:25
މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީ
އިސްތިއުނާފުކުރެވުނު ޤަޟިއްޔާ
ނަންބަރު: 2010/HC-A/108
ނިންމެވި ކޯޓް: ދިވެހިރާއްޖޭގެ ހައިކޯޓު
ހުޅަހެޅުނު ތާރީޚް: 05 މެއި 2010
ނިމުނު ތާރީޚް: 29 ނޮވެމްބަރ 2012
މައްސަލައިގެ ޚުލާޞާ
މިއީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 108/HC-A/2010 ޤަޟިއްޔާ، އެ ކޯޓުން ބަލައި ނިންމާފައިވަނީ ޝަރްޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށް ބުނެ، އެ ޤަޟިއްޔާގައި، ކޮށްފައިވާ ޙުކުމް ބާޠިލު ކޮށްދިނުމަށް އެދި، ދިވެހި ދައުލަތުގެ އެޓާރނީ ޖެނެރަލްގެ ފަރާތުން ދިވެހިރާއްޖޭގެ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިލްތިމާސް ކުރުމުން ބެލިފައިވާ ޤަޟިއްޔާއެކެވެ. މި ޤަޟިއްޔާގައި ދަޢުވާ ރައްދުވާ ފަރާތަކީ މާލޭ ހޮޓެލްސް އެސޯސިއޭޓްސް ޕްރައިވެޓް ލިމިޓެޑް އެވެ.
ބުނެވިދިޔަ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 108/HC-A/2010 ޤަޟިއްޔާއަކީ، މަދަނީ ކޯޓުގެ ނަންބަރު 868/MC/2009 ޤަޟިއްޔާ އެ ކޯޓުން ނިންމާފައިވަނީ ޝަރްޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ކަމަށްބުނެ، ދިވެހި ދައުލަތުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމުން ބަލައި ނިންމާފައިވާ ޤަޟިއްޔާ އެކެވެ. އަދި ބުނެވިދިޔަ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 108/HC-A/2010 ޤަޟިއްޔާގައިވެސް ދަޢުވާ ރައްދުވާ ފަރާތަކީ މާލޭ ހޮޓެލްސް އެސޯސިއޭޓްސް ޕްރައިވެޓް ލިމިޓެޑް އެވެ.
ފާހަގަ ކުރެވުނު ނުކުތާތައް
މި މައްސަލާގައި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށާއި، ޤާނޫނުތަކަށާއި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 108/HC-A/2010 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށާއި، މަދަނީ ކޯޓުގެ ނަންބަރު 868/MC/2009 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށާއި، ދަޢުވާކުރާ ފަރާތުންނާއި، ދަޢުވާލިބޭ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް ހުށަހެޅި ލިޔުންތަކަށާއި، ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، މިބާވަތުގެ މައްސަލަތަކާ ގުޅޭ ޢާންމު ޤާނޫނީ މަބްދައުތަކުގެ މައްޗަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ބަލައި ވިސްނިއިރު، މި މައްސަލަ ބެލި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.
އިސްވެ އިޝާރާތްކުރެވުނު މަދަނީ ކޯޓުގެ ނަންބަރު 868/MC/2009 ޤަޟިއްޔާއަށް ބަލާއިރު، އެއީ މާލޭ ހޮޓެލްސް އެސޯސިއޭޓްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ހ. އަމީނީގޭގައި ހަދަމުންދާ 16 ބުރި ޢިމާރާތެއް ޤަވާޢިދުން ހުއްދަ ހޯދައިގެން ހަދަމުން ދަނިކޮށް، މިނިސްޓްރީ އޮފް ހައުސިންގ، ޓްރާންސްޕޯޓް އެންޑް އެންވަޔަރަންމަންޓާއި މާލޭ މުނިސިޕަލްޓީން އެފަރާތްތަކަށް ލިބިފައިނުވާ ބާރެއް ނަހަމަގޮތުގައި ތަޞައްރަފްކޮށް، ޢިމާރާތްކުރުން ހުއްޓުވައި، އަދި މިނިސްޓްރީ އޮފް ހައުސިންގ، ޓްރާންސްޕޯޓް އެންޑް އެންވަޔަރަންމަންޓުން، "އެންވަޔަރަންމަންޓަލް އިމްޕެކްޓް އެސެސްމަންޓް ރެގިއުލޭޝަން 2007" ގައި ނެތް ކަމަކަށް އެންވަޔަރަމަންޓަލް އިމްޕެކްޓް އެސެސްމަންޓް (އީ.އައި.އޭ) ރިޕޯޓެއް ހެދުމަށް އަންގައި، އަދި އެ ޤަވާޢިދުގެ ދަށުން ނެތް ކަމަކަށް "އެންވަޔަރަންމަންޓަލް ޑިސިޝަން ސްޓޭޓްމަންޓް" ނެރެ، އެއަށް ޢަމަލުކުރުމަށް އަންގައި، އެ ޤަވާޢިދުގެ ދަށުން ބަޔާންކޮށްފައި ނެތް ޙާލަތެއްގައި، ބުނެވިދިޔަ ސްޓޭޓްމަންޓް ބާޠިލްކުރުމަށް ސެސޭޝަން އޯޑަރެއް ނެރެ، އަދި އޭގެފަހުން އިތުރަށް "އެންވަޔަރަންމަންޓަލް ޑިސިޝަން ސްޓޭޓްމަންޓް" ނެރެ، އޭގައި ސަރުކާރުގެ އެހެން އޮފީހަކުން ކުރުމަށް މެންޑޭޓްކޮށްފައިވާ ޝަރުޠުތަކެއް ހިމަނައި، އެއިރު ޢަމަލުކުރަމުންދިޔަ ދިވެހިރާއްޖޭގެ ޤާނޫނުއަސާސީ (1997) ގެ 13 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޤާނޫނު ހިންގުމުގައި ހަމަހަމަކަމުން ދަޢުވާލިބޭ ފަރާތް އެއްކިބާވެ، ނާއިންސާފުން ދަޢުވާކުރާ ފަރާތާމެދު ޢަމަލުކޮށްފައިވާތީ، މިކުރި ޢަމަލުތައް އެއީ ޤާނޫނާއި ޤަވާޢިދާ ޚިލާފަށް ކޮށްފައިވާ ކަންކަން ކަމަށް ކަނޑައަޅައި ދިނުމަށާއި، އިސްވެ ބަޔާންކުރެވުނު ޤާނޫނާއި ޤަވާޢިދާ ޚިލާފު ޢަމަލުތަކުގެ ސަބަބުން ދަޢުވާކުރާ ފަރާތަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި US$3,438,401.00 (ތިން މިލިއަން ހަތަރުލައްކަ ތިރީސް އަށްހާސް ހަތަރު ސަތޭކަ އެކެއް އެމެރިކާ ޑޮލަރު) ހޯދުމަށް އެދި، މާލޭ ހޮޓެލްސް އެސޯސިއޭޓްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން މިނިސްޓްރީ އޮފް ހައުސިންގ، ޓްރާންސްޕޯޓް އެންޑް އެންވަޔަރަންމަންޓުގެ މައްޗަށާއި މާލޭ މުނިސިޕަލްޓީގެ މައްޗަށް މަދަނީ ކޯޓުގައި ދަޢުވާކުރުމުން އެ ކޯޓުން ބަލައި ނިންމާފައިވާ ޤަޟިއްޔާއެއްކަން އެނގެން އޮންނައިރު، ހ. އަމިނީގޭގައި ކުރަމުންދިޔަ ޢިމާރާތްކުރުމުގެ މަސައްކަތް ހުއްޓުވާފައިވަނީ ޤާނޫނު ނަންބަރު 93/4 (ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނު) ގެ 5 ވަނަ މާއްދާ އާއި 6 ވަނަ މާއްދާއިން ތިމާވެއްޓާބެހޭ ވުޒާރާއަށް ލިބިގެންވާ ބާރާއި އިޚްތިޔާރުގެ ދަށުން ނޫންކަމަށާއި، އަދި މާލޭ މުނިސިޕަލްޓީއިން ހ. އަމިނީގޭގައި ކުރަމުންދިޔަ ޢިމާރާތްކުރުމުގެ މަސައްކަތް ހުއްޓުވާފައިވަނީ އެ އިދާރާއަށް ލިބިގެންވާ ޤާނޫނީ ބާރުގެ އިމުން ބޭރުންކަމަށާއި، ހ. އަމީނީގޭގައި ކުރަމުންދިޔަ ޢިމާރާތްކުރުމުގެ މަސައްކަތް ހުއްޓުވާފައިވާ ހިނދު، އަދި ހ. އަމީނީގޭގައި ޢިމާރާތް ކުރަމުންދިޔަ ފަރާތް ފިޔަވާ މާލޭގެ ގެއެއްގައި ޢިމާރާތްކުރުމުގެ މަސައްކަތް ކުރަމުންދިޔަ އެއްވެސް ފަރުދަކަށް ނުވަތަ ކުންފުންޏަކަށްވެސް އީ.އައި.އޭ ރިޕޯޓު ހެދުމަށް އަންގައި، މަސައްކަތް ކުރެވޭނެ ޙާލަތް ބަޔާންކޮށް ވަކި ޝަރުޠުތަކެއް ކަނޑައަޅައި، ސަރަޙައްދުގައިވާ ޢިމާރާތްތަކުގެ ޙާލަތުބަލައި، އެ ޢިމާރާތްތަކަށް ގެއްލުންވެއްޖެނަމަ ބަދަލުދެވޭނެގޮތަކާމެދު އެއްބަސްވެ، އެކިބާވަތްތަކުގެ އާލާތް ބޭނުންކޮށްގެން އަޑާއި، ލޮޅުމާއި އެހެނިހެން ކަންކަން މޮނިޓަރ ކުރުމަށް އަންގައި، މަސައްކަތް ހުއްޓުވާފައިނުވާތީ، މިނިސްޓްރީ އޮފް ހައިސިންގ، ޓްރާންސްޕޯޓް އެންޑް އެންވަޔަރަންމަންޓް އަދި މާލޭ މުނިސިޕަލްޓީއިން ޢަމަލުކޮށްފައިވަނީ ދިވެހިޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ (1997) ގެ 13 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ހަމަހަކަމަށް އުނިކަން އަންނަފަދަ، އަދި ހަމަހަމަކަމުގެ އުޞޫލާ ތަޢާރުޟުވާފަދައިން ކަމުގައި ކަނޑައަޅައި، ހ. އަމީނީގޭގައި ކުރަމުންދިޔަ ޢިމާރާތްކުރުމުގެ މަސައްކަތް އެކި ފަހަރު މަތިން ހުއްޓުވައި، އެކި ބާވަތްތަކުގެ އެސެސްމެންޓާއި ރިޕޯޓު ހަދަން އަންގައި، އެކި ޝަރުޠުކޮށް، ލޮޅުމާއި، އަޑާއި، ރެނދު މޮނިޓަރކުރުމަށް އެކި ބާވަތުގެ އާލާތްތައް ރާއްޖެއިން ބޭރުން ގެންނަން ޖެހުމުން، އަދި މަސައްކަތް ތާވަލުކޮށްފައިވާ ފަދައިން ކުރިއަށް ނުދިއުމުން އެކި ގޮތްގޮތުން މާލޭ ހޮޓެލްސް އެސޯސިއޭޓްސް ޕްރައިވެޓް ލިމިޓެޑަށް ބޮޑެތި ގެއްލުންތަކާއި ކުރިމަތިލާންޖެހި، ގެއްލުންވެފައިވާކަމާއި، އެއީ US$3,438,401.00 (ތިންމިލިއަން ހަތަރުލައްކަ ތިރީސްއަށްހާސް ހަތަރުސަތޭކަ އެކެއް އެމެރިކާ ޑޮލަރު) ގެ ގެއްލުމެއްކަން ޘާބިތުވާ މިންވަރަށް ހެކި ހުށަހެޅިފައިނުވާތީ، ގެއްލުމުގެ ބަދަލުގެ ގޮތުގައި ދަޢުވާކުރާ ފަރާތުން ހުށަހަޅާފައިވާ US$3,438,401.00 (ތިންމިލިއަން ހަތަރުލައްކަ ތިރީސްއަށްހާސް ހަތަރުސަތޭކަ އެކެއް އެމެރިކާ ޑޮލަރު) އެމިންވަރަށް ނަގައިދެވޭނެ ތަނެއް ނެތްކަމަށާއި، ބަދަލުގެ ގޮތުގައި ލިބިދިނުމަށް އެދިފައިވާ ޢަދަދަށް މާލޭ ހޮޓެލްސް އެސޯސިއޭޓްސް ޕްރައިވެޓް ލިމިޓެޑަށް ގެއްލުން ލިބިފައިވާކަން ޘާބިތުވާ މިންވަރަށް ހެކި ހުށަހެޅިފައިނުވާތީ، މި ޤަޟިއްޔާއިން ގެއްލުމުގެ މިންވަރު ޢަދަދުކޮށްފައި ނުވާކަމަށާއި، ދަޢުވާކުރާ ފަރާތުން ބަދަލުގެ ގޮތުގައި ފައިސާ ހޯދުމަށް އެދޭނަމަ، ގެއްލުންތަކަކީ ޙަޤީޤަތުގައިވެސް ވެފައިވާ ގެއްލުންކަން އެނގޭފަދަ ޘާބިތުހިފޭ ހެއްކާއެކު ހުށަހެޅުމުން، ގެއްލުމުގެ ބަދަލުގެ ބައި ބަލައިދެވޭނެ ކަމުގައި އަންގައި، ބުނެވިދިޔަ މަދަނީ ކޯޓުގެ ނަންބަރު 868/MC/2009 ޤަޟިއްޔާގައި ޙުކުމް ކޮށްފައިވާއިރު، އެ ޤަޟިއްޔާގެ ޙުކުމަށް ބަދަލު ގެންނަންޖެހޭ ފަދަ ޝަރުޢީ އަދި ޤާނުނީ ހަމައެއްނެތްކަމަށް ކަނޑައަޅައި ދިވެހިރާއްޖޭގެ ހައިކޯޓުގެ ޙަވާލާދެވުނު ނަންބަރު 108/HC-A/2010 ޤަޟިއްޔާގައި ޙުކުމް ކޮށްފައިވާކަން އެނގެން އޮވެއެވެ.
މަދަނީ ކޯޓުގެ ބުނެވިދިޔަ ނަންބަރު 868/MC/2009 ޤަޟިއްޔާގެ ޞީޢާއަށް ބަލާއިރު، މި މައްސަލައަކީ މާލޭ ހޮޓެލްސް އެސޯސިއޭޓްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ހ. އަމީނީގޭގައި ހަދަމުންދިޔަ 16 ބުރި ޢިމާރާތެއް ޤަވާޢިދުން ހުއްދަ ހޯދައިގެން ހަދަމުން ދަނިކޮށް، މިނިސްޓްރީ އޮފް ހައުސިންގ، ޓްރާންސްޕޯޓް އެންޑް އެންވަޔަރަންމަންޓާއި، މާލޭ މުނިސިޕަލްޓީގެ ފަރާތުން އެ ޢިމާރާތްކުރުން ހުއްޓުވާފައިވާނީ، އެ އިދާރާތަކަށް ލިބިފައިވާ އިޚްތިޔާރުތަކާއި ބާރުތައް ނަހަމަގޮތުގައި ބޭނުންކޮށް ޤާނޫނާއި ޤަވާޢިދާ ޚިލާފަށް ކަމަށް ކަނޑައަޅައި ދިނުމަށާއި، އަދި އޭގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް އެދި، މާލޭ ހޮޓެލްސް އެސޯސިއޭޓްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ދަޢުވާކޮށްފައިވާ މައްސަލައެއްކަމުގައި ވާއިރު، ދައުލަތުގެ އިދާރާއެއްގެ ޢަމަލެއް ނުވަތަ ޤަރާރެއްގެ ޞައްޙަކަން ނުވަތަ ނޫންކަން ރިވިއުކުރެވޭ މިފަދަ މައްސަލައަކީ ޙަޤީޤަތުގައި "މަބްދައުލް މަޝްރޫޢިއްޔާ" (Principle of Legality) ގެ އަސާސްތަކާއި އެއްގޮތްވާ ގޮތުގެމަތިން ރިވިއުކުރެވެންޖެހޭ ޖުޑީޝަލް ރިވިއުގެ މައްސަލައެއްކަން އެނގެން އޮންނައިރު، މަދަނީ ކޯޓުގެ ބުނެވިދިޔަ ނަންބަރު 868/MC/2009 ޤަޟިއްޔާގެ ޙުކުމަށް ތާއީދުކޮށް ކޮށްފައިވާ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ބުނެވިދިޔަ ނަންބަރު 108/HC-A/2010 ޤަޟިއްޔާގެ ޙުކުމް ބިނާވެގެންވަނީ ޤާނޫނީގޮތުން ޞައްޙަ އަސާސްތަކެއްގެ މައްޗަށްތޯ ބެލިއިރު އަންނަނިވި ކަންތައްތައް ފާހަގަކުރެވެއެވެ.
ހ) ފުރަތަމަ ކަމަކީ، މާލޭ މުނިސިޕަލްޓީގެ ފަރާތުން، 18 ޖުލައި 2007 ދުވަހު، މާލޭ މުނިސިޕަލްޓީގެ ނަންބަރު I-2007/319 މާލޭގައި ޢިމާރާތްކުރުމުގެ ހުއްދައިގެ ދަށުން ހ. އަމީނީގޭގައި 16 ބުރީގެ ޢިމާރާތެއް ކުރުމަށް ހުއްދަ ދީފައިވާކަން އެނގެން އޮންނައިރު، ބުނެވިދިޔަ ހުއްދައިގެ ދަށުން މާލޭ ހޮޓެލްސް އެސޯސިއޭޓްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ހ. އަމީނީގޭގައި 16 ބުރީގެ ޢިމާރާތެއް ކުރަން ފަށާފައިވަނިކޮށް 23 ސެޕްޓެމްބަރ 2007 ދުވަހާއި، 30 މާރޗް 2008 ދުވަހާއި ދެމެދު ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ޖުމްލަ ހަތަރު ފަހަރެއްގެ މަތިން ބުނެވިދިޔަ ޢިމާރާތްކުރުމުގެ މަސައްކަތް ހުއްޓުވާފައިވާކަމާއި، އޭގެ މައިގަނޑު ސަބަބަކީ ހ. އަމީނީގޭގައި ޕައިލިންގގެ މަސައްކަތް ފެށުމާއެކު، އެ ސަރަޙައްދުގެ ބިންގަނޑަށް ބޮޑެތި ލޮޅުންތަކެއް އަރައި، އެސަރަޙައްދުގެ ބައެއް ޢިމާރާތްތަކަށް ގެއްލުންތަކެއް ވުމާއެކު، އެކަމުގެ ޝަކުވާ މާލޭ މުނިސިޕަލްޓީއަށާއި، ކަމާބެހޭ މިނިސްޓްރީތަކަށް ލިބުމާ ގުޅިގެން ބެލިބެލުމުން ޤާނޫނު ނަންބަރު 93/4 (ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނު) ގެ 5 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ "އެންވަޔަރަންމަންޓަލް އިމްޕެކްޓް އެސެސްމެންޓް" (އީ.އައި.އޭ) ރިޕޯޓެއް މާލޭ ހޮޓެލްސް އެސޯސިއޭޓްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ހަދާފައި ނުވާތީކަމުގައި ދައުލަތުގެ އެޓާރނީ ޖެނެރަލްގެ ފަރާތުން ފާހަގަކޮށްފައިވާކަން އެނގެން އޮންނަކަމެވެ.
(ށ) ދެވަނަ ކަމަކީ، ޤާނޫނު ނަންބަރު 93/4 (ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނު) ގެ 5 ވަނަ މާއްދާގެ (ހ) ގައި "ރާއްޖޭގެ ތިމާވެއްޓަށް ފާހަގަ ކުރެވޭފަދަ ބަދަލެއް އަތުވެދާނެ އެއްވެސް ޕްރޮޖެކްޓެއް ހިންގުމުގެ ކުރިން، އެކަމުން ތިމާވެއްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓެއް ހަދައި، މިނިސްޓްރީ އޮފް ޕްލޭނިންގ، ހިއުމަން ރިސޯސަސް އެންޑް އެންވަޔަރަންމަންޓަށް ހުށަހަޅަންވާނެއެވެ." މިފަދައިން ބަޔާންކުރުމަށްފަހު އެ މާއްދާގެ (ށ) ގައި "މި މާއްދާގެ (ހ) ގައި ބަޔާންކުރާ ރިޕޯޓު ހަދަންޖެހޭ ކަންކަމާއި އުޞޫލު ކަނޑައަޅާނީ، މިނިސްޓްރީ އޮފް ޕްލޭނިންގ، ހިއުމަން ރިސޯސަސް އެންޑް އެންވަޔަރަންމަންޓުންނެވެ." މިފަދައިން ކަނޑައަޅައި ބަޔާންކޮށްފައިވާ ކަމާއި، އަދި ހިނގަމުންދާ ޕްރޮޖެކްޓެއްގެ ސަބަބުން ރާއްޖޭގެ ތިމާވެއްޓަށް ނޭދެވޭ އަސަރެއް ފޯރާކަމަށް ފެނިއްޖެ ހިނދެއްގައި، އެޕްރޮޖެކްޓެއް ހުއްޓުވުމުގެ އިޚްތިޔާރު މިނިސްޓްރީ އޮފް ޕްލޭނިންގ، ހިއުމަން ރިސޯސަސް އެންޑް އެންވަޔަރަންމަންޓަށް ލިބިގެންވާކަމަށާއި، މިގޮތުން ހުއްޓުވޭ ޕްރޮޖެކްޓަކަށް ބަދަލެއް ނުދެވޭނެކަމަށް ބުނެވިދިޔަ ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނުގެ 6 ވަނަ މާއްދާގެ ޞަރީޙަ ނައްޞުގައި ބަޔާންވެގެންވާކަމާ، އަދި ބުނެވިދިޔަ ޤާނޫނުގެ 5 ވަނަ މާއްދާގެ ދަށުން ހަދާފައިވާ "އެންވަޔަރަންމަންޓަލް އިމްޕެކްޓް އެސެސްމެންޓް ރެގިއުލޭޝަން 2007 " ގެ ޝެޑިއުލް (ޑީ) ގައި އެންވަޔަރަންމަންޓަލް އިމްޕެކްޓް އެސެސްމެންޓް ސްޓަޑީ ހެދުން ލާޒިމްކުރާ ތަރައްޤީގެ މަޝްރޫޢުތައް ލިސްޓުކުރެވިފައިވާކަމާއި، އޭގެތެރޭގައި ގެ އެޅުމުގެ ބޮޑެތި މަޝްރޫޢުތައް (Major Housing Projects) ޝާމިލުވެގެންވާކަން އެނގެން އޮންނަކަމެވެ.
(ނ) ތިންވަނަ ކަމަކީ، އިސްވެދިޔަ ޤާނޫނު ނަންބަރު 93/4 (ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނު) ގެ 5 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އީ.އައި.އޭ ރިޕޯޓަކީ، އެއްވެސް ފަރާތަކުން ދިވެހިރާއްޖޭގެ ތިމާވެއްޓަށް ފާހަގަކުރެވޭފަދަ ބަދަލެއް އަތުވެދާނެ އެއްވެސް ޕްރޮޖެކްޓެއް ހިންގުމުގެ ކުރިން އެފަރާތަކުން މިނިސްޓްރީ އޮފް ޕްލޭނިންގ، ހިއުމަން ރިސޯސަސް އެންޑް އެންވަޔަރަންމަންޓަށް ހުށަހެޅުން ޤާނޫނީގޮތުން ލާޒިމްވެގެންވާ ރިޕޯޓެއްކަން އެނގެން އޮންނައިރު، މާލޭ ހޮޓެލްސް އެސޯސިއޭޓްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ހ. އަމީނީގޭގައި ހަދަމުންދިޔަ 16 ބުރީގެ ޢިމާރާތުގެ ޕްރޮޖެކްޓަކީ، ބުނެވިދިޔަ ޤާނޫނުގެ 5 ވަނަ މާއްދާގެ (ށ) ގެ ދަށުން އެ މިނިސްޓްރީން ޢާންމުކޮށްފައިވާ އީ.އައި.އޭ ރެގިއުލޭޝަންގެ ޝެޑިއުލް (ޑީ) ގައި ލިސްޓްކޮށްފައިވާ، އީ.އައި.އޭ ރިޕޯޓް ހުށަހަޅަންޖެހޭ ބާވަތުގެ ޕްރޮޖެކްޓެއް ނަމަ، އެ ރިޕޯޓު ހުށަހެޅުމަކީ މާލޭ ހޮޓެލްސް އެސޯސިއޭޓްސް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް، އެޕްރޮޖެކްޓު ހިންގުމުގެ ކުރިން ލާޒިމްވެގެންވާ ކަމެއްކަމާއި، މާލޭ މުނިސިޕަލްޓީން ޢާންމުކޮށްފައިވާ މާލޭ ޕްލޭނިންގ ޤަވާޢިދުގައި ނުވަތަ މާލޭގައި ޢިމާރާތްކުރުމާބެހޭ ގޮތުން އެ އިދާރާއިން ނެރެ ޢާންމުކޮށްފައިވާ އެހެން އެއްވެސް ޤަވާޢިދެއްގައި މާލޭގައި ޢިމާރާތެއް ކުރުމުގެ ކުރިން އެ ޢިމާރާތެއް އެޅުމަށް ކުރާ މަސައްކަތުގެ ސަބަބުން ތިމާވެއްޓަށް ކޮށްފާނެ އަސަރެއް ދެނެގަތުމަށްޓަކައި އީ.އައި.އޭ ރިޕޯޓް ހަދަން ލާޒިމްކޮށްފައި ނެތުމަކީ ނުވަތަ ހ. އަމީނީގޭގައި ހަދަމުންދިޔަ ބުނެވިދިޔަ 16 ބުރީގެ ޢިމާރާތް ކުރުމަށް ހުއްދަ ދިނުމާގުޅޭ މަޢުލޫމާތު ބަދަލުކުރުމުގައި އެފަދަ ރިޕޯޓެއް ހެދުމަށް ޝަރްޠުކޮށްފައި ނެތުމަކީ، ޤާނޫނު ނަންބަރު 93/4 (ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނު) ގެ 5 ވަނަ މާއްދާގެ (ހ) ގެ ދަށުން ހުށަހެޅުން ލާޒިމްވެގެންވާ އީ.އައި.އޭ ރިފޯޓެއް ހުށައަޅަން ނުޖެހޭ ސަބަބަބެއް ނޫންކަމާ، އަދި އެއީ ބުނެވިދިޔަ ޤާނޫނު ނަންބަރު 93/4 (ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނު) ގެ ދަށުން ރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ސިޔާސަތު ކަނޑައަޅައި، ހަދަންޖެހޭ ޤަވާޢިދުތައް ހަދައި ހިންގުމުގެ މަސްއޫލިއްޔަތު ޙަވާލުކުރެވިފައިވާ އެއިރުގެ ވުޒާރާކަމުގައިވާ މިނިސްޓްރީ އޮފް ޕްލޭނިންގ، ހިއުމަން ރިސޯސަސް އެންޑް އެންވަޔަރަންމަންޓަށް އެ ވުޒާރާއަށް ލިބިފައިވާ ޤާނޫނީ ބާރުތަކުގެ ޙުދޫދުގެ ތެރޭގައި، އިޝާރާތްކުރެވުނު އީ.އައި.އޭ ރިޕޯޓު ހުށަހަޅަންޖެހޭ ފަރާތަކުން އެފަރާތުގެ ޕްރޮޖެކްޓު ހިންގަން ފެށުމުގެ ކުރިން އެ ރިޕޯޓު ހުށަހަޅާފައި ނެތްކަން ފާހަގަކުރެވިގެން، އެ ރިޕޯޓު ހުށަހެޅުމަށް އެންގުން މަނާކުރާ ސަބަބެއްވެސް ނޫންކަން އެނގެން އޮންނަކަމެވެ.
(ރ) ހަތަރުވަނަ ކަމަކީ، ޤާނޫނު ނަންބަރު 93/4 (ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނު) ގެ 5 ވަނަ މާއްދާގެ (ށ) ގައި ބަޔާންކުރާ ތިމާވެއްޓަށް ފާހަގަކުރެވޭފަދަ ބަދަލެއް އަތުވެދާނެ މަޝްރޫޢެއް ހިންގުމުގެ ކުރިން ހަދަން ލާޒިމްކުރާ އީ.އައި.އޭ ރިޕޯޓު ހަދަންޖެހޭ ކަންކަމާއި އުޞޫލުތައް ނުވަތަ "އެންވަޔަރަންމަންޓަލް އިމްޕެކްޓް އެސެސްމެންޓް ރެގިއުލޭޝަން 2007" އަކީ، ޤާނޫނު ނަންބަރު 68/2 ޖ. (އޮފިޝަލް ކަންތައް ޗެޕްޓަރ 2 - ލިޔެކިއުމާބެހޭ) ގެ (1) ވަނަ މާއްދާގައި ބަޔާންކުރާފަދަ، ކޮންމެހެން ބޭރުބަހަކުން އޮންނަންޖެހޭ ލިޔުމެއްކަން ނުވަތަ ނޫންކަމަށް ބަލާއިރު، އެއީ ދިވެހި ބަހުން އޮންނަންޖެހޭ ލިޔުމެއް ކަމުގައި ޝަރީޢަތުން ދެކޭކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ބުނެވިދިޔަ ނަންބަރު 108/HC-A/2010 ޤަޟިއްޔާގައި ފާހަގަކޮށްފައި އޮންނަ އޮތުމަށް ނަޒަރުކުރާއިރު، ޤާނޫނު ނަންބަރު 68/2 ޖ. (އޮފިޝަލް ކަންތައް ޗެޕްޓަރ 2 - ލިޔެކިއުމާބެހޭ) ގެ (1) ވަނަ މާއްދާގައި "ދައުލަތުގެ ރަސްމީ ލިޔުންތަކުގެ ތެރެއިން ކޮންމެހެން ބޭރުބަހަކުން ލިޔަންޖެހޭ ލިޔުންތައް މެނުވީ އެހެން ހުރިހާ ލިޔުންތަކެއް ހުންނަންވާނީ ދިވެހި ބަހުން ލިޔެވިފައެވެ." މިފަދައިން ބަޔާންކޮށްފައި ވާކަމާއި، މި މާއްދާގައި އެބުނާ ދައުލަތުގެ ރަސްމީ ލިޔުންތަކަކީ، ދައުލަތުގެ އިދާރާތަކުން ފޮނުވާ ސިޓީތަކާއި، އިދާރީ އަމުރުތަކާއި ނިންމުންތަކާއި، ރިޕޯޓުތަކާއި، އެނޫންވެސް އިދާރީ ޠަބީޢަތުގެ ލިޔެކިޔުންތައްކަން ޙަވާލާދެވުނު ޤާނޫނު ނަންބަރު 68/2 ޖ. (އޮފިޝަލް ކަންތައް ޗެޕްޓަރ 2 - ލިޔެކިއުމާބެހޭ) ގެ މާއްދާތަކަށް އެކުގައި ބެލުމުން ސާފުކޮށް އެނގެން އޮންނަކަމާ، އެހެންކަމުން އެ ޤާނޫނުގައި އެބުނާ ދައުލަތުގެ ރަސްމީ ލިޔުންތަކުގެ ތެރޭގައި ދައުލަތުގެ އިދާރާތަކުން ޢާންމުކުރާ ޤަވާޢިދުތައް ހިމެނިގެން ނުވާކަން އެނގެން އޮންނަކަމާ، އެހެން ނަމަވެސް، ދިވެރާއްޖޭގެ ޤައުމީ ބަހަކީ ދިވެހިބަސް ކަމުގައި ވާއިރު، ދިވެހިރާއްޖޭގައި ޢަމަލުކުރުމަށް ހެދޭ ޤަވާޢިދުތައް އުޞޫލެއްގެ ގޮތުން ހުންނަންވާނީ ދިވެހި ބަހުންކަމާއި، އެހެންނަމަވެސް އިސްތިޘްނާއީގޮތަކަށް ޤަވާޢިދެއް އިނގިރޭސި ބަހުން އޮތުމުގެ ޟަރޫރަތްތެރިކަމަށް ރިޢާޔަތްކޮށް ބައެއް ޚާއްޞަ ޓެކްނިކަލް ޤަވާޢިދުތައް އިނގިރޭސި ބަހުން ހެދިފައި އޮތުމަކީ އެއަށް ޢަމަލުކުރަން ނުޖެހޭނެ ސަބަބެއް ނޫންކަމާ، މިގޮތުން ސިވިލް އޭވިއޭޝަންއާ ގުޅޭ ބައެއް ކަންތައްތައް އިންތިޒާމުކުރާ ޤަވާޢިދުތަކާއި، މާލީ ވުޒާރާއާއި، އިޤްތިޞާދާބެހޭ ވުޒާރާއާއި، ފަތުރުވެރިކަމާބެހޭ ވުޒާރާއާއި، މިނޫންވެސް ސަރުކާރުގެ ބައެއް ވުޒާރާތަކުންނާއި، އިދާރާތަކުން ޢާންމުކޮށްފައިވާ، އަދި އެއަށް ޢަމަލުކުރެވޭ ބައެއް ޤަވާޢިދުތަކަކީ އިނގިރޭސިބަހުން ލިޔެވިފައިވާ ޤަވާޢިދުތަކެއްކަން ފާހަގަކުރެވޭކަމާ، އެހެންކަމުން 8 މެއި 2012 ގައި މިނިސްޓްރީ އޮފް ހައުސިންގ އެންޑް އެންވަޔަރމަންޓް އިން ދިވެހިބަހުން ލިޔެ ޢާންމުކޮށްފައިވާ، އީ.އައި.އޭ ރެގިއުލޭޝަން (ތިމާވެއްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓް ހެދުމާބެހޭ ޤަވާޢިދު 2012) އަށް ޢަމަލުކުރަން ފެށުމުގެ ކުރިން، ރާއްޖޭގައި ޢަމަލުކުރަމުން އައި، އިސްވެ ބަޔާންވެދިޔަ "އެންވަޔަރަންމަންޓަލް އިމްޕެކްޓް އެސެސްމެންޓް ރެގިއުލޭޝަން 2007" އިނގިރޭސިބަހުން ލިޔެފައި އޮތުމަކީ އެޤަވާޢިދަށް ޢަމަލުކުރަން ނުޖެހޭ ސަބަބެއް ނޫންކަން އެނގެން އޮންނައިރު، މާލޭ ހޮޓެލްސް އެސޯސިއޭޓްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ހ. އަމީނީގޭގައި ކުރަމުންދިޔަ އިސްވެ އިޝާރާތްކުރެވުނު 16 ބުރީގެ ޢިމާރާތުގެ މަޝްރޫޢަކީ ބުނެވިދިޔަ "އެންވަޔަރަންމަންޓަލް އިމްޕެކްޓް އެސެސްމެންޓް ރެގިއުލޭޝަން 2007" ގެ ޝެޑިއުލް (ޑީ) ގައި އީ.އައި.އޭ ރިޕޯޓު ހުށަހެޅުން ލާޒިމުކޮށް ލިސްޓުކޮށްފައިވާ ގެ އެޅުމުގެ ބޮޑެތި މަޝްރޫޢުތަކުގެތެރޭގައި ހިމެނޭ މަޝްރޫޢަކަށް ވުމާއެކުވެސް، އެއާގުޅިގެން ހުށަހަޅަންޖެހޭ އީ.އައި.އޭ ރިޕޯޓު ހުށަހަޅާފައިނުވާކަން ކަމާބެހޭ މިނިސްޓްރީއަށް އެންގުމުން އެ ރިޕޯޓު ހުށަހެޅުމަށް މާލޭ ހޮޓެލްސް އެސޯސިއޭޓްސް ޕްރައިވެޓް ލިމިޓެޑަށް އަންގާފައިވަނީ އެ މިނިސްޓްރީއަށް ޤާނޫނީގޮތުން ލިބިގެންވާ ބާރާއި އިޚްތިޔާރުގެ ޙުދޫދުގެތެރޭގައި ކަމާއި، އިސްވެ އިޝާރާތްކުރެވުނު އީ.އައި.އޭ ރެގިއުލޭޝަން (2007) ގެ ޝެޑިއުލް (ޑީ) ގައި ބޮޑެތި ހޮޓެލް ޢިމާރާތްކުރުމުގެ މަޝްރޫޢުތައް ވަކިން ހިމަނާފައި ނެތްކަމުގައި ވީނަމަވެސް، އެފަދަ މަޝްރޫޢުތަކަކީ ޙަޤީޤަތުގައި ގެ އެޅުމުގެ ބޮޑެތި މަޝްރޫޢުތަކުގެތެރޭގައި ޝާމިލްވެގެންވާ މަޝްރޫޢުތައްކަމާ، އަދި ބުނެވިދިޔަ އީ.އައި.އޭ ރެގިއުލޭޝަން (2007) ގައި، ގެ އެޅުމުގެ ބޮޑެތި މަޝްރޫޢުތަކުގެ ތަޢުރީފެއް ބަޔާންކޮށްފައި ނެތުމަކީ، ނުވަތަ މާލޭ ހޮޓެލްސް އެސޯސިއޭޓްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ހ. އަމީނީގޭގައި ކުރަމުންދިޔަ އިސްވެ ބަޔާންވެދިޔަ މަސައްކަތަކީ ޢާންމު ފަރްދެއްގެ މިލްކު ބިމެއްގައި ކުރަމުންދިޔަ ޢިމާރާތަކާ ގުޅޭ މަސައްކަތަކަށް ވުމަކީ އޭގެ ޒާތުގައި އެ މަސައްކަތެއް ބުނެވިދިޔަ އީ.އައި.އޭ ރެގިއުލޭޝަން (2007) ގެ ޝެޑިއުލް (ޑީ) ގައި ލިސްޓުކުރެވިފައިވާ ގެ އެޅުމުގެ ބޮޑެތި މަޝްރޫޢުތަކުގެ ތެރޭގައި ނުހިމެނޭ މަސައްކަތެއްކަމުގައި ބަލަންޖެހޭ ސަބަބެއް ނޫންކަމާ، އެހެނީ ހުޅުމާލެއާއި މާލޭގައި ގެދޮރު/ފްލެޓް އެޅުމުގެ މަޝްރޫޢުތަކަކީ ބުނެވިދިޔަ ޝެޑިއުލް (ޑީ) ގައި ބަޔާންވެގެންވާ ފަދަ ގެ އެޅުމުގެ ބޮޑެތި މަޝްރޫޢުތައްކަމަށް ބަލައި، މާލޭގައި ޢިމާރާތްކުރާ ފަސްތަރީގެ ބޮޑެތި ހޮޓެލް ފަދަ މަޝްރޫޢުތަކަކީ އެފަދަ މަޝްރޫޢުތަކެއް ކަމަށް ނުބެލުން ވެގެންދާނީ، ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނުގެ މަޤްޞަދާ ޚިލާފަށް އަދި ބުނެވިދިޔަ ޤާނޫނު ނަންބަރު 93/4 (ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނު) ގެ 5 ވަނަ މާއްދާގެ (ހ) ގެ ދަށުން މާލެއާއި ރާއްޖޭގެ އެހެނިހެން ރަށްތަކުގައި ހިންގާ ގެ އެޅުމުގެ ބޮޑެތި މަޝްރޫޢުތަކާ ގުޅިގެން ހުށަހަޅަންޖެހޭ އީ.އައި.އޭ ރިޕޯޓު ހުށަހެޅުމަކާނުލައި އެ މަޝްރޫޢުތައް ކުރިއަށް ގެންދިއުމަށް މަގުފަހިވެގެންދާނެ ސަބަބެއްކަން އެނގެން އޮންނަ އޮތުމެވެ.
(ބ) ފަސްވަނަ ކަމަކީ، ހިނގަމުންދާ ޕްރޮޖެކްޓެއްގެ ސަބަބުން ރާއްޖޭގެ ތިމާވެއްޓަށް ނޭދެވޭ އަސަރެއް ފޯރާކަމަށް ފެނިއްޖެ ހިނދެއްގައި، އެޕްރޮޖެކްޓެއް ހުއްޓުވުމުގެ އިޚްތިޔާރު މިނިސްޓްރީ އޮފް ޕްލޭނިންގ، ހިއުމަން ރިސޯސަސް އެންޑް އެންވަޔަރަންމަންޓަށް ލިބިގެންވާކަމަށާއި، މިގޮތުން ހުއްޓުވޭ ޕްރޮޖެކްޓަކަށް ބަދަލެއް ނުދެވޭނެކަމަށް ޙަވާލާދެވުނު ޤާނޫނު ނަންބަރު 93/4 (ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނު) ގެ 6 ވަނަ މާއްދާގައި ކަނޑައަޅައި ބަޔާންވެގެން އޮންނަ އޮތުމަށް ބަލާއިރު، ހިނގަމުންދާ ޕްރޮޖެކްޓެއްގެ ސަބަބުން ތިމާވެއްޓަށް ނޭދެވޭ އަސަރެއް ފޯރާކަމަށް ފެނިއްޖެނަމަ އެ ޕްރޮޖެކްޓެއް ހުއްޓުވުމުގެ އިޚްތިޔާރާއި ބާރު ތިމާވެއްޓާބެހޭ މިނިސްޓްރީއަށް ލިބިގެންވާކަން އެނގެން އޮންނަކަމާ، މިގޮތުން ޢިމާރާތްކުރަމުންދާ ޕްރޮޖެކްޓެއްގެ ސަބަބުން ތިމާވެއްޓަށް ނޭދެވޭ އަސަރެއް ފޯރާކަމަށް ކަމާބެހޭ މިނިސްޓްރީއަށް، އެ މިނިސްޓްރީއާއި އެ މިނިސްޓްރީގެ ދަށުން ހިނގާ ތަފާތު އިދާރާތަކުގައި ޤާއިމުކުރެވިފައިވާ މޮނިޓަރިންގ ސިސްޓަމްގެ ތެރެއިން އެނގިއްޖެނަމަ، އެކަމާގުޅިގެން ޢާންމު ފަރާތެއްގެ ޝަކުވާ ލިބުނުކަމުގައިވިއަސް ނުވަތަ ނުލިބުނުކަމުގައި ވިއަސް، އެކަމެއް ބަލައި، އިޝާރާތްކުރެވުނު ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނު ގެ 6 ވަނަ މާއްދާގެ ދަށުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ ބާރު ދައުލަތުގެ ކަމާބެހޭ އިދާރާތަކަށް ލިބިގެންވާކަން އެނގެން އޮންނައިރު، އިސްވެ ބަޔާންކުރެވުނު، ހ. އަމީނީގޭގައި ކުރަމުންދިޔަ 16 ބުރީގެ ޢިމާރާތުގެ ޕްރޮޖެކްޓުގެ ސަބަބުން ތިމާވެއްޓަށް ނޭދެވޭ އަސަރުކޮށްފައިވާކަމަށާއި، އަދި ބުނެވިދިޔަ ޢިމާރާތްކުރާ ތަނާ އިންވެގެން ހުރި ގެތަކަށާއި ތަންތަނަށް ވާޤިޢީގޮތުން (factually) ގެއްލުންތަކެއް ވެފައިވާކަން ދައުލަތުގެ ފަރާތުން މަދަނީ ކޯޓުގެ ބުނެވިދިޔަ ނަންބަރު 868/MC/2009 ޤަޟިއްޔާގައި ހުށަހަޅާފައިވާ ލިއުންތަކުން ރަނގަޅަށް އެނގެން އޮންނަކަމާއި، މިގޮތުން ހުށަހެޅިފައިވާ ލިޔުންތަކުގެ ތެރޭގައި "ސަމަރީ ރިޕޯޓް އޮން ދަ މޭޖަރ ފައިންޑިންގްސް ރިގާރޑިން ކޮންސްޓްރަކްޝަން އޮފް އަ ސިކްސްޓީން ސްޓޯރީ ބިލްޑިންގ އެޓް ހ. އަމީނީގެ ޔޫޒިން ޑީޕް ޕައިލިންގ" (Summary Report on the Major Findings Regarding Construction of a 16 Storey Building at H. Ameeneege Using Deep Piling) މި ރިޕޯޓާއި، ދަރުމަވަންތަ ސްކޫލްގެ ހުޅަނގުން އަމީނީގޭގައި ޢިމާރާތް ކުރެވެމުންދާ 16 ބުރީގެ ހޮޓާ ޢިމާރާތާ ގުޅިގެން ދަރުމަވަންތަ ސްކޫލަށް ލިބެމުންދާ ގެއްލުންތަކާބެހޭ ގޮތުން ތައްޔާރުކުރެވުނު ރިޕޯޓް ހިމެނިގެންވާކަން އެނގެން އޮންނައިރު، މާލޭ ހޮޓެލްސް އެސޯސިއޭޓްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ހ. އަމީނީގޭގައި ހަދަމުންދާ 16 ބުރި ޢިމާރާތުގެ މަސައްކަތްތައް މިނިސްޓްރީ އޮފް ހައުސިންގ، ޓްރާންސްޕޯޓް އެންޑް އެންވަޔަރަންމަންޓުން އިސްވެ ބަޔާންވެދިޔަ ގޮތުގެމަތިން ހުއްޓުވާފައިވަނީ އެ ވުޒާރާއަށް ޤާނޫނު ނަންބަރު 93/4 (ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނު) ގެ 6 ވަނަ މާއްދާގެ ދަށުން ލިބިގެންވާ ބާރާއި އިޚްތިޔާރުގެ ދަށުންކަން އެނގެން އޮންނަހިނދު، އެ ބާރު ބޭނުންކޮށްފައިވަނީ ނަހަމަގޮތެއްގައި 'ތަޢައްސުފީ' (arbitrary) ކޮށްކަން މި މައްސަލާގައި ހިމެނޭ ވާޤިޢާތަކާ ގުޅިގެން ހުށަހެޅިފައިވާ ލިއުންތަކުންނާއި، ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކުން އެއްވެސް މިންވަރަކަށް ޘާބިތުވެފައި ނުވާކަން އެނގެން އޮންނަކަމެވެ.
(ޅ) ހަވަނަ ކަމަކީ، ޖޫޑިޝަލް ރިވިއުގެ އުޞޫލުން ދައުލަތުގެ އިދާރާއެއްގެ ނިންމުން ޤާނޫނާއި ޤަވާޢިދާ ޚިލާފުވާކަމަށް ބުނެ އެނިންމުމާމެދު ޠަޢުނުކޮށް ހުށަހަޅާ މައްސަލަތަކުގައި ޝަރީޢަތުން ބަލަންޖެހޭނީ އެ ނިންމުން ޤާނޫނާއި ޤަވާޢިދާ ޚިލާފުވޭތޯ އާއި، އެނިންމުމުގައި ޤާނޫނުން ލިބިގެންވާ ބާރާއި އިޚްތިޔާރު އެ އިދާރާއަކުން ބޭނުންކޮށްފައިވަނީ ނަހަމަގޮތުގައި ތަޢައްސުފުން އެއްކިބާވެ ހުރެތޯ ކަމާ، އެހެންކަމުން އެ ނިންމުން ޞައްޙަވުން ނުވަތަ ބާޠިލުވުން ބިނާވެގެންވަނީ އެ އިދާރާއެއްގެ ތަފާތު އެހެން ނިންމުމެއް ޞައްޙަވުން ނުވަތަ ބާޠިލުވުމުގެ މައްޗަށް ނޫންކަން އެނގެން އޮންނައިރު، މި މައްސަލައާ ގުޅިގެން މާލޭ ހޮޓެލްސް އެސޯސިއޭޓްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ހ. އަމީނީގޭގައި ހަދަމުން ދިޔަ ޢިމާރާތުގެ މަސައްކަތާ ގުޅިގެން އީ.އައި.އޭ ރިފޯޓު ހުށަހަޅަން އެންގުމާއި، އެ ޢިމާރާތުގެ މަސައްކަތް މިނިސްޓްރީ އޮފް ހައުސިންގ، ޓްރާންސްޕޯޓް އެންޑް އެންވަޔަރަންމަންޓުން ހުއްޓުވި ހުއްޓުން ޠަޢުނުކޮށް، އެ ވުޒާރާއިން އީ.އައި.އޭ ރެގިއުލޭޝަން (2007) ގެ ޝެޑިއުލް (ޑީ) ގައި ހިމެނިގެންވާ ބައެއް މަޝްރޫޢުތަކާގުޅިގެން އެފަދަ ފިޔަވަޅުތަކެއް އަޅާފައި ނުވާކަމަށް ބުނެ ދައްކާފައިވާ ވާހަކަތަކަށް ރިޢާޔަތްކޮށް މަދަނީ ކޯޓުގެ ނަންބަރު 868/MC/2009 ޤަޟިއްޔާއާއި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 108/HC-A/2010 ޤަޟިއްޔާގައި، މިނިސްޓްރީ އޮފް ހައުސިންގ، ޓްރާންސްޕޯޓް އެންޑް އެންވަޔަރަންމަންޓުން މާލޭ ހޮޓެލްސް އެސޯސިއޭޓްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ހ. އަމީނީގޭގައި ހަދަމުން ދިޔަ ޢިމާރާތުގެ މަސައްކަތް ހުއްޓުވާފައިވަނީ ހަމަހަމަކަމުގެ އުޞޫލުން ބޭރުވާގޮތައް ކަމަށް ފާހަގަކޮށްފައިވަނީ ޖުޑީޝަލް ރިވިއުގެ އުޞޫލުތަކާ އެއްގޮތަށް ނޫންކަން އެނގޭކަމާއި، އެހެނީ މާލޭ ހޮޓެލްސް އެސޯސިއޭޓްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ހ. އަމީނީގޭގައި ހަދަމުން ދިޔަ ޢިމާރާތުގެ މަސައްކަތް ފެށުމުގެ ކުރިން ނުވަތަ އެ މަސައްކަތް ހިނގަމުންދިޔަ އިރު އުފުލަންޖެހޭ ޤާނޫނީ އިލްތިޒާމެއް އުފުލުން ބިނާވެގެންވާންވާނީ އެހެން ފަރާތްތަކުން އުފުލަންޖެހޭ އިލްތިޒާމެއް އުފުލުމުގެ މައްޗައް ނޫންކަން އެނގެން އޮންނަކަމެވެ.
އިސްވެ ފާހަގަކުރެވުނު ނުކުތާތަކަށް ރިޢާޔަތްކޮށް ބަލާއިރު، މި މައްސަލަ ބެލި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ވާޞިލުވެވުނީ މަދަނީ ކޯޓުގެ ބުނެވިދިޔަ ނަންބަރު 868/MC/2009 ޤަޟިއްޔާގެ ޙުކުމަށް ބަދަލު ގެންނަންޖެހޭ ފަދަ ޝަރުޢީ އަދި ޤާނުނީ ހަމައެއްނެތްކަމަށް ކަނޑައަޅައި ދިވެހިރާއްޖޭގެ ހައިކޯޓުގެ ބުނެވިދިޔަ ނަންބަރު 108/HC-A/2010 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމް ބިނާކޮށްފައިވާ އަސާސްތަކަކީ ޞައްޙަ އަސާސްތެކެއް ކަމަށް ނުވާތީ އެ ޙުކުމަށް ބަދަލުގެންނަންޖެހޭ ކަމަށެވެ.
ޙުކުމް:
ދެންފަހެ، އިސްވެ ބަޔާންކުރެވުނު ޝަރްޢީ އަދި ޤާނޫނީ ސަބަބުތައް އެގޮތުގެމަތިން ހުރުމާއެކު، މަދަނީ ކޯޓުގެ ނަންބަރު 868/MC/2009 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމް ޝަރްޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތް ނުވާތީ އެ ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމާއި، އަދި އެ ޙުކުމަށް ބަދަލު ގެންނަންޖެހޭ ފަދަ ޝަރްޢީ އަދި ޤާނުނީ ހަމައެއް ނެތްކަމަށް ކަނޑައަޅައި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 108/HC-A/2010 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމާއި މި ދެ ޙުކުމަކީ ބާޠިލު ޙުކުމެއްކަމަށް މި މައްސަލަ ބެލި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި ޙުކުމް ކޮށްފީމެވެ.
ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީ
ފަނޑިޔާރު ޢަބްދުﷲ ޢަރީފް
ފަނޑިޔާރު ޢަލީ ޙަމީދު މުޙައްމަދު
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.