ދިވެހިރާއްޖޭގެ މަތީ މަރުޙަލާގެ ކޯޓުތަކުން ކަނޑައަޅާފައިވާ ޤާނޫނީ އުޞޫލުތައް

Maldives Legal Precedents

Saeed Lex
[2022] SC 35 · 2021/SC-F/04ސުޕްރީމް ކޯޓު · 13 ޖޫން 2022

ޑރ. މުޙައްމަދު ޒާހިރު ޙުސައިން ވ. އިބްރާހީމް ރަޝީދު މޫސާ އަދި ޢަބްދުﷲ ފާރޫޤު ޙަސަން

ސުޕްރީމް ކޯޓު
ފަހުގެ ޙުކުމެއްގައި ޙަވާލާދީފައެއް ނުފެނޭޙުކުމުގެ ހާލަތު
ސުޕްރީމް ކޯޓު · 13 ޖޫން 2022ބާވަތް: ސުޕްރީމް ކޯޓުގެ ނިންމުން ނުވަތަ ޙުކުމް އަލުން ބެލުން

ޚުލާޞާ

ޚުލާޞާ ނެތް.

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
—
ފަހުގެ ތާރީޚު
—

ނިންމުން

—

ކޯ ޓާމްސް

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

މި ލިޔުމުން އުޞޫލެއް ނުނެގުނު.

ފަނޑިޔާރުން

ބެންޗު
—
ޚިލާފު ރައުޔު
ނެތް

ޝަރީޢަތުގެ ވީޑިއޯ

ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.

ޑރ. މުޙައްމަދު ޒާހިރު ޙުސައިން ވ. އިބްރާހީމް ރަޝީދު މޫސާ އަދި ޢަބްދުﷲ ފާރޫޤު ޙަސަން

ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުގެ ރައުޔު (އުއްތަމަ ފަނޑިޔާރު އަޙްމަދު މުޢުތަޞިމް ޢަދުނާން އަދި ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމް ތާއީދު ކުރައްވާފައި)

ތަޢާރުފު

ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HC-A/08 ޤަޟިއްޔާ އެ ކޯޓުން ނިންމާފައިވަނީ ޤާނޫނާ ޚިލާފަށް ކަމުގައި ދެކިގެން އެ ޤަޟިއްޔާ ޑރ. މުޙައްމަދު ޒާހިރު ޙުސައިން ގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުގެ ހުއްދައަށް އެދި 2015 ނޮވެމްބަރ 04 ގައި ސުޕްރީމް ކޯޓަށް ހުށަހެޅިއެވެ. ނަމަވެސް މި ހުށަހެޅުމަކީ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 16 ވަނަ މާއްދާ އާއި ސުޕްރީމް ކޯޓުގެ ގަވާއިދުގެ 42 ވަނަ މާއްދާގެ ދަށުން ސުޕްރީމް ކޯޓަށް ހުށަހެޅުމުގެ ހުއްދަ ދޭންޖެހޭ މައްސަލައެއް ނޫންކަމުގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ނިންމައި އެކަން ޑރ. މުޙައްމަދު ޒާހިރު ޙުސައިން އަށް 11 އޭޕްރިލް 2016 ގައި އަންގާފައިވެއެވެ.

ހައިކޯޓުގެ ނަންބަރު 2015/HC-A/08 ޤަޟިއްޔާ އިސްތިއުނާފު ކުރުމުގެ ހުއްދައަށް އެދި ޑރ. މުޙައްމަދު ޒާހިރު ޙުސައިން ހުށަހެޅި ހުށަހެޅުން ބަލައި ނުގަނެ، އެ މައްސަލައަކީ އިސްތިއުނާފު ކުރުމުގެ ހުއްދަ ދޭންޖެހޭ މައްސަލައެއް ނޫންކަމުގައި ނިންމާފައިވަނީ ކަނޑައެޅިގެން ޤާނޫނު އެއްފަރާތް ކުރުމަށްފަހު ކަމުގައްޔާއި، އެ ކަމުގެ ސަބަބުން ފާޅުކަން ބޮޑު ބޭއިންސާފެއް ކުރިމަތިވެފައިވާ ކަމުގައި ބުނެ ސުޕްރީމް ކޯޓުގެ އެ ނިންމުން އަލުން ބަލައިދިނުމަށް އެދި ސުޕްރީމް ކޯޓުގެ ގަވާއިދުގެ 24 ވަނަ މާއްދާގެ ދަށުން ޑރ. މުޙައްމަދު ޒާހިރު ޙުސައިން ހުށަހަޅާފައިވެއެވެ. މި ހުށަހެޅުން ރައްދުވަނީ އިބްރާހީމް ރަޝީދު މޫސާ، ހ. މީރުބަހުރުގޭއާގެ ގެ މައްޗަށާއި، ޢަބްދުﷲ ފާރޫޤު ޙަސަން، ގ. ކޮއްކިރި ގެ މައްޗަށެވެ.

މި މައްސަލައިގައި ޝަރީޢަތުގެ ކުރިމަތީގައި އޮތް މައިގަނޑު ސުވާލުތަކަކީ، މި މައްސަލައިގެ އިސްތިއުނާފު ކުރުމުގެ ހުއްދަ ނުދިނުމަށް ސުޕްރީމް ކޯޓުން ނިންމި ނިންމުމަކީ، ކަނޑައެޅިގެން ޤާނޫނު އެއްފަރާތް ކުރުމަށްފަހު ނިންމާފައިވާ ނިންމުމެއް ހެއްޔެވެ؟ އަދި އެކަމުގެ ސަބަބުން ފާޅުކަން ބޮޑު ބޭއިންސާފެއް ފެންނަން އެބަ އޮތް ހެއްޔެވެ؟ މި ސުވާލުތަކެވެ.

މި ސުވާލުތަކުގެ ޖަވާބަށް ދިއުމުގެ ކުރިން މި މައްސަލަ ހުށަހެޅުމަށްފަހު ހައިކޯޓުގެ ނަންބަރު 2015/HC-A/08 ޤަޟިއްޔާގެ ޙުކުމް ތަންފީޒު ކުރުން ފަސްކުރުމުގެ އަމުރެއް ނެރެދިނުމަށް ޑރ. މުޙައްމަދު ޒާހިރު ޙުސައިން ހުށަހެޅި ހުށަހެޅުމާއި، މި މައްސަލައަށް ތަދައްޚުލުވުމަށް އެދި ހަވީރު މީޑިއާ ގްރޫޕް ޕްރައިވެޓް ލިމިޓެޑުން ހުށަހެޅި ހުށަހެޅުމާމެދު ނިންމި ނިންމުމަށް ރުޖޫޢަވެލަމެވެ. އެއަށްފަހު، މި މައްސަލައިގައި ކަންހިނގާފައިވާ ގޮތާއި، މައްސަލައިގައި އެކި ފަރާތްތަކުން ހުށަހެޅި ހުށަހެޅުންތަކާއި، ޤާނޫނީ ބަހުސްތަކަށް ރުޖޫޢަވާނަމެވެ. އެއަށްފަހު، އަހުރެންނަށް މި މައްސަލަ ނިންމަން ފެންނަ ގޮތް ބަޔާން ކުރާނަމެވެ.

ޙުކުމް ތަންފީޒު ކުރުން ފަސްކުރުމުގެ އަމުރު

ސުޕްރީމް ކޯޓުގެ ނިންމުން އަލުން ބަލައި ދިނުމަށް އެދި ޑރ. މުޙައްމަދު ޒާހިރު ޙުސައިން ހުށަހެޅި މައްސަލައާ ގުޅިގެން އެ މައްސަލައިގައި ހައިކޯޓުން ކޮށްފައިވާ އެ ކޯޓުގެ ނަންބަރު2015/HC-A/08 ޤަޟިއްޔާގެ ޙުކުމް ތަންފީޒު ކުރުން ފަސްކުރުމުގެ އަމުރަކަށް އެދިފައިވެއެވެ. ޑރ. މުޙައްމަދު ޒާހިރު ޙުސައިންގެ މި ހުށަހެޅުމާ ގުޅިގެން ހައިކޯޓުގެ ނަންބަރު2015/HC-A/08 ޤަޟިއްޔާގެ ޙުކުމް ތަންފީޒު ކުރުމުގެ ގޮތުން ސިވިލް ކޯޓުގައި ހިނގަމުންދާ އެ ކޯޓުގެ ނަންބަރު 3480/Cv-C/2020 ޤަޟިއްޔާއާ ގުޅިގެން ސުޕްރީމް ކޯޓުން މި މައްސަލައިގައި ގޮތެއް ކަނޑައެޅުމުގެ ކުރިން އެއްވެސް ފިޔަވަޅެއް ނޭޅުމަށް އަންގައި ސުޕްރީމް ކޯޓުގެ ގަވާއިދުގެ 23 ވަނަ މާއްދާގެ ދަށުން އަމުރު ކޮށްފައިވާނެއެވެ.

ހަވީރު މީޑިއާ ގްރޫޕުން ތަދައްޚުލުވުން

މި މައްސަލައަށް ތަދައްޚުލުވުމަށް އެދި ހަވީރު މީޑިއާ ގްރޫޕް ޕްރައިވެޓް ލިމިޓެޑް (ރަޖިސްޓްރީ ނަންބަރު C-0211/2013) އިން ހުށަހަޅާފައިވެއެވެ. މި ހުށަހެޅުމަށް ބަލާއިރު، މި މައްސަލައިގައި ވާހަކަ ދެކެވޭ "ހަވީރު" ނޫހާއި، "ލޯމާފާނު ޕްރިންޓް" ގައި އެ ކުންފުނީގެ މަސްލަހަތެއް އޮތްކަމުގައި ފެންނާތީ، ސުޕްރީމް ކޯޓަށް ހުށަހެޅިފައިވާ މި މައްސަލައިގައި އެ ކުންފުނީގެ މަސްލަހަތެއް އޮތްކަމުގައި ބަލައި، ސުޕްރީމް ކޯޓުގެ ގަވާއިދުގެ 61 ވަނަ މާއްދާގެ (ހ) އަށް ރިޢާޔަތް ކޮށް އެ ކުންފުންޏަށް މި މައްސަލައިގައި ތަދައްޚުލުވުމުގެ ފުރުސަތު ދީފައިވާނެއެވެ.

މައްސަލައިގެ ފަސްފަހަތް

ދުވާލަކު އެއް ފަހަރު ނެރޭ ނޫހެއްގެ ގޮތުގައި "ހަވީރު" ނޫސް ނޫހެއްގެ ގޮތުގައި ރަޖިސްޓްރީ ކޮށްފައިވަނީ 28 ޑިސެމްބަރ 1978 ގައެވެ. މި ނޫހުގެ މަސްއޫލުވެރި ފަރާތެއްގެ ގޮތުގައި އޮތީ "އަލްއުސްތާޛު މުޙައްމަދު ޒާހިރު ޙުސައިން، ހ. ނީލްވިލާ" އެވެ. މި ނޫހުގެ ފުރަތަމަ އަދަދު ނެރެފައިވަނީ 01 ޖެނުއަރީ 1979 ގައެވެ.

ދުވަހު ނޫހެއްގެ ގޮތުގައި "ހަވީރު" ނެރެން ފެށިފަހުން 31 މާރޗް 1983 ގައި "ހަވީރު ނޫސް އެޖެންސީ އުފެއްދުމަށް ފައުންޑަރުން އެއްބަސްވި އެއްބަސްވުން" ގެ ނަމުގައި (މީގެ ފަހުން "ފައުންޑަރުންގެ އެއްބަސްވުން" މި ގޮތަށް ހަވާލާ ދީފައިވާ) ހ. ނީލްވިލާ، މުޙައްމަދު ޒާހިރު ޙުސައިން އާއި ހ. މީރުބަހުރުގޭއާގެ، އިބްރާހީމް ރަޝީދު މޫސާ އާއި، ހ. ފަތަގުމާގެ، ފާރޫޤު ޙަސަން އާއި، ހ. ޓައިމްލެސް މުޙައްމަދު ނަޢީމް، މި ހަތަރު މީހުން އެއްބަސްވުމެއްގައި ސޮއިކޮށްފައިވެއެވެ. މި އެއްބަސްވުމަށް ބަލާއިރު، މި އެއްބަސްވުމުގައިވާ ހަވީރު ނޫސް އެޖެންސީއަކީ، ރާއްޖޭގައި ނޫސްވެރިކަން ކުރިއެރުވުމަށާއި، ލިޔުންތެރިކަން ތަރައްގީކޮށް ޢާންމު ކުރުމަށްޓަކައި ގައުމީ އަދި އިޖުތިމާއީ ޚިދުމަތެއްގެ ގޮތުގައި މަސައްކަތް ކުރުމަށްޓަކައި އުފައްދާފައިވާ އެޖެންސީއެއް ކަމުގައި އެ އެއްބަސްވުމުގައި ބަޔާންވެފައިވެއެވެ.

ހަވީރު ނޫސް އެޖެންސީއެއް އުފެއްދުމަށް "ފައުންޑަރުން" ވި އެއްބަސްވުމުގައި ހަވީރު ނޫސް އެޖެންސީން ކުރާ މައްސައްކަތްތަކުގެ ތެރޭގައި ތިންކަމެއް ހިމެނެއެވެ. ފުރަތަމަ ކަމަކީ، ދުވަހު ނޫސް "ހަވީރު" ނެރުމެވެ. ދެވަނަ ކަމަކީ، މަހަކު އެއްފަހަރު ނުކުންނަ "އަމާޒު" މަޖައްލާ ނެރުމެވެ. ތިންވަނަ ކަމަކީ، "ހަވީރު" ގެ ފަރާތުން ރަޖިސްޓްރީ ކުރެވިފައިވާ ޗާޕުޚާނާ ވިޔަފާރީގެ ގޮތުން ހިންގުމެވެ.

އިތުރަށް މި އެއްބަސްވުމުގައި ހުރިކަންކަމަށް ބަލާއިރު، ހަވީރު ނޫސް އެޖެންސީއާބެހޭ ހުރިހާ ކަމެއްގެ އެންމެ އިސްފަރާތަކީ، ހަތަރު ފައުންޑަރ މެމްބަރުންގެ މައްޗަށް އެކުލެވިގެންވާ ބޯޑުކަމުގައްޔާއި، މި ނޫސް އެޖެންސީން ނެރޭ ނޫހާއި މަޖައްލާފަދަ ތަކެތީގެ މަސްއޫލުވެރިންނާއި، އެޑިޓަރުން ލައްވައި، ވަކިކުރާނީ މި ބޯޑުން ކަމުގައި ބަޔާންކޮށް، ބޯޑު މަސައްކަތް ކުރާނެ ގޮތާއި، އެޖެންސީގެ ވިޔަފާރީގެ މުހިންމު މުޢާމަލާތްތައް ކުރާނެ ގޮތާއި، ލިޔެކިޔުންތަކާއި ހިސާބުކިތާބު ބަލަހައްޓާނެ ގޮތް މި އެއްބަސްވުމުގައި ބަޔާންކޮށްފައިވެއެވެ. މި އެއްބަސްވުމުގައި ކުރިން ރަޖިސްޓްރީވެފައިވާ ނޫހެއް، ވިޔަފާރިއެއް، ނޫސް އެޖެންސީއެއްގެ މިލްކުވެރިކަން މި ނޫސް އެޖެންސީއަށް ބަދަލު ކުރާ ވާހަކައެއް ބަޔާންކޮށްފައި ނުވެއެވެ.

ޑރ. މުޙައްމަދު ޒާހިރު ޙުސައިން ހިމެނޭ ގޮތުން "ހަވީރު ނޫސް އެޖެންސީ" ގެ ނަމުގައި ނޫސް އެޖެންސީއެއް ހެދުމަށް "ފައުންޑަރުން" އެއްބަސްވި ފަހުން، 11 އޮގަސްޓް 1983 ގައި ޑިޕާޓްމަންޓް އޮފް އިންފޮރމޭޝަން އެންޑް ބްރޯޑްކާސްޓިންގގައި "ހަވީރު ނޫސް އެޖެންސީ"ގެ ނަމުގައި ނޫސް އެޖެންސީއެއް ރަޖިސްޓްރީ ކޮށްފައިވެއެވެ. މި ނޫސް އެޖެންސީގެ ރަޖިސްޓްރީއަށް ބަލާއިރު، މި އެޖެންސީއަށް ކުރުކޮށް ކިޔަނީ "ހަނާ މޯލްޑިވްސް" އެވެ. މަސްއޫލުވެރިންނަކީ އިބްރާހީމް ރަޝީދު މޫސާ އާއި، ފާރޫޤު ޙަސަން އާއި، މުޙައްމަދު ނަޢީމް އެވެ. ރަޖިސްޓްރީވެފައިވާ އެޑްރެހަކީ ހ. މީރުބަހުރުގޭއާގެ އެވެ. މި ރަޖިސްޓްރީގައި ޑރ. މުޙައްމަދު ޒާހިރު ޙުސައިންގެ ނަމެއް ނެތެވެ.

31 މާރޗް 1983 ގައި "ހަވީރު ނޫސް އެޖެންސީ" އެއް ހިންގުމަށް "ފައުންޑަރުން" އެއްބަސްވުމެއްގައި ސޮއިކުރި ފަހުން 30 އަހަރާއި، 02 މަހާއި 22 ދުވަސްފަހުން، 2013 މެއި 02 ވަނަ ދުވަހު "ފައުންޑަރުން" ގެ ތެރެއިން އިބްރާހީމް ރަޝީދު މޫސާ އާއި، ޢަބްދުﷲ ފާރޫޤު ޙަސަން، ހަވީރު ނޫހާއި، ޗާޕުޚާނާގެ ހިއްސާ ހޯދުމަށް ޑރ. މުޙައްމަދު ޒާހިރު ޙުސައިންގެ މައްޗަށް ސިވިލް ކޯޓުގައި ދަޢުވާ ކުރިއެވެ. މި ދަޢުވާގައި އެދިފައިވަނީ އަންނަނިވި ކަންކަމަށެވެ.

31 މާރޗް 1983 އިން ފެށިގެން ސިވިލް ކޯޓުން އެ މައްސަލަ ނިންމުމާ ހަމައަށް ހަވީރު ނޫސް އެޖެންސީއަށާއި، އެ އެޖެންސީން ނެރެމުންއައި ހަވީރު ދުވަހު ނޫހަށާއި، އެ އެޖެންސީގެ ފަރާތުން ހިންގަމުން އައި ޗާޕުޚާނާއަށް ލިބިފައިވާ ޖުމުލަ އާމްދަނީގެ ތެރެއިން ކޮށްފައިވާ ޚަރަދަށް ކަނޑައި، ލިބިފައިވާ ފައިދާގެ ތެރެއިން ދަޢުވާކުރި ދެ މީހުންކުރެ ކޮންމެ މީހަކަށް ހަތަރުބައިކުޅަ އެއްބައި ނަގައި ދިނުން.

31 މާރޗް 1983 އިން ފެށިގެން ސިވިލް ކޯޓަށް މި މައްސަލަ ހުށަހެޅުމާ ހަމައަށް ހަވީރު ނޫސް އެޖެންސީން ކުރަމުން އައި ވިޔަފާރިން ނެރެވި އެއްކުރެވިފައިވާ ހުރިހާ މުދަލާއި ތަކެއްޗެއްގެ މައްޗަށް "ފައުންޑަރުންގެ އެއްބަސްވުމުގެ" ދަށުން އިބްރާހީމް ރަޝީދު މޫސާ އާއި، ޢަބްދުﷲ ފާރޫޤު ޙަސަންއާ ދެ މީހުން ކުރެ ކޮންމެ މީހަކަށް ލިބިގެންވާ 25 (ފަންސަވީސް) އިންސައްތައިގެ މިލްކުވެރިކަމުގެ ޙައްޤު ރައްކާތެރި ކޮށްދިނުމާއި، އެ ޙައްޤު އެ ދެ މީހުންނަށް އަނބުރައި ލިބިދިނުން.

ޑރ. މުޙައްމަދު ޒާހިރު ޙުސައިންގެ މައްޗަށް ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ ނިމިފައިވަނީ މައްސަލަ ހުށަހެޅި އިބްރާހީމް ރަޝީދު މޫސާ އާއި، ޢަބްދުﷲ ފާރޫޤު ޙަސަންއާ ދެކޮޅަށެވެ. މި ފަދައިން ނިންމުމުގައި ސިވިލް ކޯޓުން މައިގަނޑު ގޮތެއްގައި ފާހަގަ ކޮށްފައިވަނީ، "ފައުންޑަރުންގެ އެއްބަސްވުމަކީ"، އެ އެއްބަސްވުމުގައި "މުޤާބިލެއް" ހިމެނިފައި ނުވުމުގެ ސަބަބުން ޤާނޫނީ ގޮތުން އެއްބަސްވުމުގެ ބައިވެރިން ބަނދެވޭނެ ފަދައަކުން އޮތް އެއްބަސްވުމެއް ނޫންކަމުގައެވެ. މީގެ އިތުރުން، ދުވަހު ނޫސް "ހަވީރު" އާއި ޗާޕުޚާނާއަކީ "ފައުންޑަރުންގެ އެއްބަސްވުމުގެ" ދަށުން އުފެދިފައިވާ އަދި ހިންގަމުން އައި ނޫހެއް އަދި ޗާޕުޚާނާއެއް ނޫންކަން ސާފުގޮތެއްގައި ޝަރީޢަތަށް ސާބިތުވާން އޮތުމުގެ އިތުރަށް "ހަވީރު" ނޫހާއި ޗާޕުޚާނާގައި އިބްރާހީމް ރަޝީދު މޫސާ އާއި ޢަބްދުﷲ ފާރޫޤު ޙަސަންގެ ހިއްސާއެއްވާ ކަމުގައި ބެލޭނެ ޝަރުޢީ އަދި ޤާނޫނީ ހަމައެއް ވެސް ނެތްކަމުގައި އެ ނިންމުމުގައި ފާހަގަ ކޮށްފައިވެއެވެ.

ސިވިލް ކޯޓުން މައްސަލަ ނިންމި ގޮތާމެދު ހިތްހަމަ ނުޖެހިގެން އިބްރާހީމް ރަޝީދު މޫސާ އާއި، ޢަބްދުﷲ ފާރޫޤު ޙަސަންގެ ފަރާތުން ސިވިލް ކޯޓުގެ ނިންމުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރިއެވެ. ހައިކޯޓުން އެ މައްސަލަ ބެލުމަށްފަހު ސިވިލް ކޯޓުގެ ނިންމުން ބާޠިލު ކޮށްފައިވެއެވެ.

ހައިކޯޓުން ސިވިލް ކޯޓުގެ ނިންމުން ބާޠިލު ކުރުމުގައި މައިގަނޑު ގޮތެއްގައި ފާހަގަ ކޮށްފައިވަނީ ސިވިލް ކޯޓުން މައްސަލަ ނިންމުމުގައި އެ މައްސަލައިގެ ދަޢުވާ ބިނާކޮށްފައިވާ ޙަޤީޤަތްތަކަށާއި، އެ ޙަޤީޤަތްތަކުން އެނގޭ ކަންތައްތަކަށާއި، އެ މައްސަލައިގައި އިބްރާހީމް ރަޝީދު މޫސާ އާއި ޢަބްދުﷲ ފާރޫޤު ޙަސަން ސިވިލް ކޯޓަށް ހުށަހެޅި ހެކިތަކަށް ފުރިހަމައަށް އެ ކޯޓުން ރިޢާޔަތް ކޮށްފައިނުވާ ކަމަށެވެ. އަދި 31 މާރޗް 1983 ވަނަ އަހަރު ޑރ. މުޙައްމަދު ޒާހިރު ޙުސައިން ހިމެނޭ ގޮތުން ސޮއިކޮށްފައިވާ ފައުންޑަރުންގެ އެއްބަސްވުމަކީ، ދެމި އޮތް އެއްބަސްވުމެއް ކަމުގައެވެ. އަދި އެ އެއްބަސްވުމުގެ ދަށުން އުފައްދާފައިވާ ހަވީރު ނޫސް އެޖެންސީ އާއި، އެ އެޖެންސީގެ ދަށަށް ބަދަލު ކުރެވި، އެ އެޖެންސީން ހިންގަމުންދިޔަ ތަންތަނާއި ތަކެތީގެ މިލްކުވެރި ފަރާތަކީ، އެ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ފައުންޑަރ މެންބަރުންކަން ސާބިތުވާ ކަމުގައެވެ.

މި ދެންނެވި ކަންކަން ފާހަގަކޮށް، އިބްރާހީމް ރަޝީދު މޫސާ އާއި ޢަބްދުﷲ ފާރޫޤު ޙަސަން އާއި ދެމީހުންކުރެ ކޮންމެ މީހަކަށް ހަވީރު ނޫސް އެޖެންސީ އާއި އެ ތަނުގެ މިލްކުގައިވާ ހުރިހާ ފައިސާއަކާއި މުދަލުގެ ހަތަރުބައިކުޅަ އެއްބައި ލިބިގެންވާކަން ސާބިތުވާތީ، އެ މިންވަރާއި އަދަދު ކަނޑައެޅުމަށްޓަކައި ކަމާބެހޭ ކޯޓަށް މައްސަލަ ހުށަހެޅުމުގެ ޙައްޤު އެ ދެމީހުންނަށް ލިބިގެންވާ ކަމުގައި ހައިކޯޓުން ކަނޑައަޅާފައިވެއެވެ.

ދިވެހިރާއްޖޭގެ ހައިކޯޓުން މި މައްސަލަ ނިންމާފައިވަނީ ޤާނޫނާ ޚިލާފަށް ކަމުގައި ބުނެ، ޑރ. މުޙައްމަދު ޒާހިރު ޙުސައިން މި މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުގެ ހުއްދައަށް އެދި ހުށަހެޅިއެވެ. ނަމަވެސް، ކުރިން އިޝާރާތްކުރި ފަދައިން އެ މައްސަލަ އިސްތިއުނާފު ކުރުމުގެ ހުއްދަ ނުދިނުމަށް ސުޕްރީމް ކޯޓުން ނިންމާފައިވެއެވެ. އެ ނިންމުން ބިނާކޮށްފައިވަނީ އަންނަނިވި ކަންކަމުގެ މައްޗަށެވެ.

ހައިކޯޓުގެ ޙުކުމް ރަނގަޅު ނޫންކަމަށް ބަލަންޖެހޭ އެއްވެސް އަސާސެއް އޮތްކަމަށް ބެލެވެން ނެތުން.

ހައިކޯޓުން ކޮށްފައިވާ ޙުކުމަކީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތަށް ކޮށްފައިވާ ޙުކުމަކަށްވުން.

ހައިކޯޓުގެ ޙުކުމަށް އެއްވެސް ބަދަލެއް ގެންނަންޖެހޭ ފަދަ ޝަރުޢީ އަދި ޤާނޫނީ އެއްވެސް އަސާސެއް ނެތުން.

ސުޕްރީމް ކޯޓުގެ ނިންމުން އަލުން ބަލައިދިނުމަށް އެދި ހުށަހަޅާފައިވާ ނުކުތާތައް

ހައިކޯޓުން މި މައްސަލައިގައި ނިންމާފައިވާ ނިންމުން އިސްތިއުނާފު ކުރުމުގެ ހުއްދަ ނުދިނުމަށް ސުޕްރީމް ކޯޓުން ނިންމާފައިވާ ނިންމުން އަލުން ބަލައިދިނުމަށް އެދި ޑރ. މުޙައްމަދު ޒާހިރު ޙުސައިންގެ ފަރާތުން އަންނަނިވި ނުކުތާތައް ހުށަހަޅާފައިވެއެވެ.

ހަވީރު މީޑިއާ ގްރޫޕް ޕްރައިވެޓް ލިމިޓެޑްގެ ދަށުން ހިންގަމުންދިޔަ "ހަވީރު" ނޫހާއި، "ލޯމާފާނު ޕްރިންޓް" އާމެދު ވަކި ގޮތަކަށް ޢަމަލުކުރުމަށް އަންގާފައިވާކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HC-A/08 ޤަޟިއްޔާއިން ދޭހަވާއިރު، އެ ޤަޟިއްޔާގައި އެކަމާ ގުޅޭގޮތުން، އެ ކުންފުނީގެ ބަހެއް ހޯދާފައިނުވުމަކީ ފާޅުވެގެންވާ ބޭއިންސާފެއް (ގްރޮސް އިންޖަސްޓިސް) ކަމަށްވުން.

ޑރ. މުޙައްމަދު ޒާހިރު ޙުސައިންގެ ބައިވެރިވުމެއް، ހިއްސާއެއް އަދި ބާރުގެ ދަށުގައި ވެސް ނެތް "ހަވީރު ނޫސް އެޖެންސީ" ކިޔާ އެޖެންސީއެއްގެ މިލްކުގައިވާ ހުރިހާ ފައިސާއަކާއި އެ ތަނުގެ މުދަލުގެ %25 (ފަންސަވީސް އިންސައްތަ) ހިއްސާ އިބްރާހީމް ރަޝީދު މޫސާ އާއި، ޢަބްދުﷲ ފާރޫޤު ޙަސަންއާ ދެމީހުންކުރެ ކޮންމެ މީހަކަށް ލިބިގެންވާކަމަށް ހައިކޯޓުން ކަނޑައަޅާފައި އޮތް އޮތުމަކީ ޤާނޫނާ އެއްގޮތަށް ކޮށްފައިވާ ޙުކުމެއްކަމަށް ބަލާފައިވަނީ ޤާނޫނީ ކޮށް އަސާސެއްގެ މައްޗަށް ބިނާވެގެންކަން އެނގެން ނެތުން.

ޑރ. މުޙައްމަދު ޒާހިރު ޙުސައިންގެ ބައިވެރިވުމެއް، ހިއްސާއެއް އަދި ބާރުގެ ދަށުގައި ވެސް ނެތް "ހަވީރު ނޫސް އެޖެންސީ" ކިޔާ އެޖެންސީއެއްގެ މިލްކުގައިވާ ހުރިހާ ފައިސާއަކާއި އެތަނުގެ މުދަލުގެ %25 (ފަންސަވީސް އިންސައްތަ) ހިއްސާ އިބްރާހީމް ރަޝީދު މޫސާ އާއި، ޢަބްދުﷲ ފާރޫޤު ޙަސަންއާ ދެމީހުންކުރެ ކޮންމެ މީހަކަށް ލިބިގެންވާކަމަށް ހައިކޯޓުގެ ނަންބަރު 2015/HC-A/08 ޤަޟިއްޔާގައި ކަނޑައަޅާފައި އޮތް އޮތުމަކީ ޤާނޫނާ އެއްގޮތަށް ކޮށްފައިވާ ޙުކުމެއްކަމަށް ސުޕްރީމް ކޯޓުން ބަލައި ނިންމާފައިވާ ނިންމުމަކީ ޤާނޫނީ އެއްވެސް އުސޫލަކަށް ބިނާކޮށް ނިންމާފައިވާ ނިންމުމެއްކަމުގައި ނުވުން، އަދި އެ ނިންމުމަކީ ޑރ. މުޙައްމަދު ޒާހިރު ޙުސައިންއަށް ފާޅުވެގެންވާ ބޭއިންސާފެއް ކަމަށްވުން.

މައްސަލައަށް ތަދައްޚުލުވި ފަރާތުން ފާހަގަ ކުރި ނުކުތާ

މި މައްސަލައަށް ތަދައްޚުލުވި ހަވީރު މީޑިއާ ގްރޫޕުން ފާހަގަކޮށްފައިވަނީ، "ހަވީރު" ނޫހާއި، "ލޯމާފާނު ޕްރިންޓް" އަކީ އެ ކުންފުނީގެ މުދާ ކަމުގައިވާއިރު، އެ މުދަލާމެދު ވަކި ގޮތަކަށް ޢަމަލު ކުރުމަށް އަންގައި ހައިކޯޓުން މައްސަލަ ނިންމިއިރު، އެ ކުންފުނީގެ ބަހެއް ހޯދާފައިނުވާ ކަމުގައެވެ. އަދި އެ މައްސަލައިގެ ތެރޭގައި ހައިކޯޓަށް ހުށަހެޅިފައިވާ ކަމާ ގުޅުންހުރި ލިޔެކިޔުންތަކަށް ވެސް އެ ކޯޓުން ރިޢާޔަތް ކޮށްފައިނުވާކަމުގައެވެ. ވުމާއެކު، ހައިކޯޓުގެ ނަންބަރު 2015/HC-A/08 ޤަޟިއްޔާގެ އިސްތިއުނާފު ކުރެވޭއިރު، އެ ކުންފުންޏަށް އެ ކުންފުނީގެ މުދަލާބެހޭ ގޮތުން ބަސްބުނުމުގެ ފުރުސަތު ލިބިދެވޭ ފަދައިން ތައްދައްޚުލުވާ ފަރާތެއްގެ ގޮތުގައި އެ ކުންފުނި ހިމަނައި ދެއްވުމަށް އެދޭ ކަމުގައެވެ.

މައްސަލަ ރައްދުވާ ފަރާތުން ދީފައިވާ ރައްދު

ސުޕްރީމް ކޯޓުން އިސްތިއުނާފު ކުރުމުގެ ހުއްދަ ދިނުމަށް ނުފެންނަ ކަމުގައި ނިންމި ނިންމުން އަލުން ބަލައިދިނުމަށް އެދި ޑރ. މުޙައްމަދު ޒާހިރު ޙުސައިން އާއި ހަވީރު މީޑިއާ ގްރޫޕުން ހުށަހެޅި ކަންކަމަށް ރައްދު ދެމުން އިބްރާހީމް ރަޝީދު މޫސާ އާއި ޢަބްދުﷲ ފާރޫޤު ޙަސަންގެ ފަރާތުން ފާހަގަ ކޮށްފައިވަނީ، މި މައްސަލައަކީ ސުޕްރީމް ކޯޓުގެ ގަވާއިދުގެ 24 ވަނަ މާއްދާގައި ސުޕްރީމް ކޯޓުގެ ނިންމުމެއް އަލުން ބެލިދާނެ ކަމުގައި ބަޔާންކޮށްފައިވާ ހާލަތްތަކުގެ ތެރެއިން ހާލަތަކަށް ފެތޭ މައްސަލަ އެއް ނޫންކަމުގައެވެ. އަދި މި މައްސަލައިގައި ޑރ. މުޙައްމަދު ޒާހިރު ޙުސައިން އާއި ހަވީރު މީޑިއާ ގްރޫޕުން ހުށަހެޅި ކަންކަން ފެތިގެން އަންނަނީ އެ މާއްދާގައި ބަޔާންކޮށްފައިވާ ވަކި ހާލަތަކަށް ނުވަތަ ހާލަތްތަކަކަށް ކަން އެފަރާތްތަކުން ސުޕްރީމް ކޯޓުގައި ފާހަގަ ކޮށްފައިވާ ކަންކަމުން ސާފު ނުވާކަމުގައެވެ.

ކަންމިހެން އޮތުމުން، މި މައްސަލަ ރައްދުވާ އިބްރާހީމް ރަޝީދު މޫސާ އާއި، ޢަބްދުﷲ ފާރޫޤު ޙަސަންގެ ފަރާތުން އެދިފައިވަނީ، މި މައްސަލައިގައި ހައިކޯޓުން ކޮށްފައިވާ ޙުކުމަކީ، ޤާނޫނީ އުސޫލުތަކާ އެއްގޮތަށް ކޮށްފައިވާ ޙުކުމެއް ކަމުގައްޔާއި، އަދި ހައިކޯޓުގެ ޙުކުމް ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުގެ ހުއްދަ ދިނުމަށް ނުފެންނަ ކަމުގައި ސުޕްރީމް ކޯޓުން ނިންމާފައިވާ ނިންމުން އެ ގޮތުގައި ދަމަހައްޓައި ދިނުމަށެވެ.

ޝަރީޢަތުން ގޮތެއް ކަނޑައަޅަންޖެހޭ ކަންކަން

މި މައްސަލަ ހުށަހެޅި ޑރ. މުޙައްމަދު ޒާހިރު ޙުސައިން އާއި، މައްސަލައަށް ތަދައްޚުލުވި ހަވީރު މީޑިއާ ގްރޫޕުގެ ފަރާތުންނާއި، މި މައްސަލަ ރައްދުވާ ފަރާތްތަކުން ދައްކާފައިވާ ވާހަކަތަކަށާއި، ހުށަހަޅާފައިވާ ލިޔެކިޔުންތަކަށް ބަލާއިރު، ތިރީގައިވާ ކަންކަމުގައި ޝަރީޢަތުން ގޮތެއް ކަނޑައަޅަންޖެހޭ ކަމުގައި ދެކެމެވެ.

ޝަރީޢަތުން ގޮތެއް ކަނޑައަޅަން ފެންނަ ފުރަތަމަ ނުކުތާއަކީ، ކުރިން މި މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުން، އިސްތިއުނާފު ކުރުމުގެ ހުއްދަ ދިނުމަށް ނުފެންނަ ކަމުގައި ނިންމިއިރު، ޑރ. މުޙައްމަދު ޒާހިރު ޙުސައިންގެ ފަރާތުން ފާހަގަ ކުރާ ފަދައިން، ހައިކޯޓުގެ ނިންމުމުގައި ފާހަގަ ކޮށްފައިވާ ހަވީރު ނޫސް އެޖެންސީ އާއި ޑރ. މުޙައްމަދު ޒާހިރު ޙުސައިންއާ އެއްވެސް ގުޅުމެއް ނެތްކަމުގައި ބެލެވޭނެ ޤާނޫނީ ސަބަބުތަކެއް ހައިކޯޓުގެ ނިންމުމުގައި ނުވަތަ މައްސަލައިގެ ވާޤިޢާތަކުން އެނގެން ހުރިކަން ނުވަތަ ނޫންކަމެވެ.

ޝަރީޢަތުން ގޮތެއް ކަނޑައަޅަން ފެންނަ ދެވަނަ ނުކުތާއަކީ، ޑރ. މުޙައްމަދު ޒާހިރު ޙުސައިންގެ ފަރާތުން ހުށަހެޅި މައްސަލަ، ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުގެ ހުއްދަ ދިނުމަށް ނުފެންނަ ކަމުގައި ނިންމިއިރު، ހަވީރު މީޑިއާ ގްރޫޕުގެ ބަހެއް ހޯދުމަކާ ނުލައި، ހައިކޯޓުން މި މައްސަލަ ނިންމުން ޤާނޫނާ ޚިލާފު ކަމުގައި ބެލެވޭނެ ސަބަބުތަކެއް ހުރިކަން ނުވަތަ ނޫންކަމެވެ.

މަތީގައި މި ފާހަގަކުރި ދެ ނުކުތާއާމެދު ގޮތެއް ނިންމުމުގައި އަހުރެންގެ ކުރިމަތީގައި އޮތް މައިގަނޑު އަދި މުހިންމު ސުވާލަކީ މިއީ ސުޕްރީމް ކޯޓުގެ ކުރީގެ ނިންމުމެއް އަލުން ބަލައި ދިނުމަށް އެދި ހުށަހަޅާފައިވާ މައްސަލައެއް ކަމުގައިވާއިރު، މި މައްސަލަ ސުޕްރީމް ކޯޓުގެ ގަވާއިދުގެ 24 ވަނަ މާއްދާގައި ބަޔާންކުރާ ހާލަތްތަކުން ކުރެ ހާލަތަކަށް ފެތޭ ހެއްޔެވެ؟ މި ސުވާލެވެ.

ސުޕްރީމް ކޯޓުގެ ގަވާއިދުގެ 24 ވަނަ މާއްދާއަށް ބަލާއިރު، ސުޕްރީމް ކޯޓުގެ ނިންމުމެއް މުރާޖަޢާ ކުރެވޭނީ ހަމައެކަނި ފާޅުކަންބޮޑު ބޭއިންސާފެއް މެދުވެރިވެފައިވާ ނަމައެވެ. އަދި މި މާއްދާއަށް ބަލާއިރު ފާޅުކަން ބޮޑު ބޭއިންސާފެއް އޮވެގެން ސުޕްރީމް ކޯޓުގެ ނިންމުމެއް މުރާޖަޢާ ކުރެވިދާނެ ތިން ހާލަތެއް ސުޕްރީމް ކޯޓުގެ ޢަބްދުﷲ ޢަލީ ވ. ފާޠިމަތު ފަރީދާ އާއި އިތުރު 7 ފަރާތެއް [2021] SC 95 މައްސަލައިގައި ފަނޑިޔާރު ޙުސްނުއްސުޢޫދު ފާހަގަ ކުރައްވާފައިވެއެވެ. އެ ތިން ހާލަތު ތިރީގައި މިވަނީއެވެ.

މުރާޖައާކުރަން އެދި ހުށަހަޅާ ޙުކުމަކީ ނުވަތަ ނިންމުމަކީ ކަނޑައެޅިގެން ޤާނޫނު އެއްފަރާތްކޮށް، ޤާނޫނާ ޚިލާފަށް ނިންމާފައިވާ ނިންމުމަކަށްވެފައި، އެ ނިންމުން ބަދަލުނުކޮށްފިނަމަ، އެ ނިންމުމުގެ ސަބަބުން ފާޅުކަން ބޮޑު ބޭއިންސާފެއް މެދުވެރިވެދާނެ ކަމަށް ފެންނަ ހާލަތު؛ ނުވަތަ

މުރާޖައާކުރަން އެދި ހުށަހަޅާ ޙުކުމަކީ ނުވަތަ ނިންމުމަކީ މައްސަލަ ނިންމާ ފަހުން އައު ހެކި ލިބި، އެ ހެއްކަށް ރިޢާޔަތް ނުކޮށްފިނަމަ ފާޅުކަން ބޮޑު ބޭއިންސާފެއް މެދުވެރި ވެދާނެ ޙުކުމެއް ނުވަތަ ނިންމުމެއް ކަމަށް ފެންނަ ހާލަތު؛ ނުވަތަ

މުރާޖައާކުރަން އެދި ހުށަހަޅާ ޙުކުމަކީ ނުވަތަ ނިންމުމަކީ، އެ ޙުކުމް ނުވަތަ އެ ނިންމުން ބަދަލުނުކޮށްފި ނަމަ، ފާޅުކަން ބޮޑު ބޭއިންސާފެއް މެދުވެރިވެ ވެދާނެ ކަމަށް ސުޕްރީމް ކޯޓަށް ފެނުން؛ މިއެވެ.

ޝަރީޢަތުގެ ކުރިމަތީގައި މި އޮތް މައްސަލައަކީ، ސުޕްރީމް ކޯޓުގެ ގަވާއިދުގެ 24 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ހާލަތްތަކުންކުރެ ހާލަތަކަށް ފެތޭ މައްސަލައެއްކަން އެނގިގެންދާނީ މައްސަލަ ހުށަހެޅި ފަރާތުން ފާހަގަ ކުރި ވަކިވަކި ނުކުތާތަކަށް ބަލައިގެން ކަމުގައިވާތީ، އަހުރެން ދެން މި ބަލާލަނީ އެ ނުކުތާތަކުގައިވާ ކަންކަމަށެވެ. އެ ނުކުތާތަކުގައިވާ ކަންކަމަށް ބަލާއިރު، މި މައްސަލައިގެ އިސްތިއުނާފު ބަލައިނުގަތުމަށް ކުރިން ސުޕްރީމް ކޯޓުން ނިންމާފައިވާ ނިންމުމުގައި އަސާސީ ގޯހެއް ހެދިފައި އޮތުމުގެ ސަބަބުން ފާޅުކަން ބޮޑު ބޭއިންސާފެއް މެދުވެރި ވެފައިވާކަން ނުވަތަ ނޫންކަމުގެ މައްޗަށެވެ.

ހަވީރު ނޫސް އެޖެންސީގައި ޑރ. މުޙައްމަދު ޒާހިރު ޙުސައިންގެ ބައިވެރިވުން

ސުޕްރީމް ކޯޓުގެ ނިންމުން އަލުން ބަލައިދިނުމަށް އެދި ޑރ. މުޙައްމަދު ޒާހިރު ޙުސައިން ހުށަހަޅާފައިވާ ދެވަނަ ނުކުތާއާއި ތިންވަނަ ނުކުތާގައި މައިގަނޑު ގޮތެއްގައި ފާހަގަ ކޮށްފައިވަނީ، އެއް ވާހަކައެކެވެ. އެއީ މި މައްސަލައިގައި ވާހަކަ ދެކެވޭ ހަވީރު ނޫސް އެޖެންސީ އަކީ ޑރ. މުޙައްމަދު ޒާހިރު ޙުސައިންގެ އެއްވެސް ބައިވެރިވުމެއް، ހިއްސާއެއް، އަދި އެ ފަރާތުގެ ބާރުގެ ދަށުގައި ނެތް އެޖެންސީ އެއްކަމުގައި ބުނާ ވާހަކައެވެ.

މި ނުކުތާ ތަފުސީލު ކުރަމުން ޑރ. މުޙައްމަދު ޒާހިރު ޙުސައިންގެ ފަރާތުން ފާހަގަ ކުރާ އެންމެ މުހިންމު ލިޔުމަކީ، 1983 އޮގަސްޓް 11 ވަނަ ދުވަހު ޑިޕާޓްމަންޓް އޮފް އިންފޮރމޭޝަން އެންޑް ބްރޯޑްކާސްޓިންގ އިން ދޫކޮށްފައިވާ "ހަވީރު ނޫސް އެޖެންސީ" (ހަނާ/މޯލްޑިވްސް) ގެ ރަޖިސްޓްރީއެވެ. މި ރަޖިސްޓްރީގައިވާ "ހަވީރު ނޫސް އެޖެންސީ"ގެ މަސްއޫލުވެރިންނަކީ އިބްރާހީމް ރަޝީދު މޫސާ އާއި، ޢަބްދުﷲ ފާރޫޤު ޙަސަން އާއި، މުޙައްމަދު ނަޢީމް އެވެ. މި ރަޖިސްޓްރީގައި ޑރ. މުޙައްމަދު ޒާހިރު ޙުސައިންގެ ނަމެއް ހިމެނިފައި ނުވެއެވެ. މި ނުކުތާއާ ގުޅިގެން ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި މައްސަލަ ރައްދުވާ އިބްރާހީމް ރަޝީދު މޫސާ އާއި ޢަބްދުﷲ ފާރޫޤު ޙަސަންގެ ފަރާތުން ފާހަގަ ކޮށްފައިވަނީ، އެ ނޫސް އެޖެންސީގައި ޑރ. މުޙައްމަދު ޒާހިރު ޙުސައިންގެ ނަން ހިމެނިފައިނުވަނީ، އެ ދުވަސްވަރު ޑރ. މުޙައްމަދު ޒާހިރު ޙުސައިން އަދާކުރަމުންދިޔަ ވަޒީފާގެ ސަބަބުން ނޫސް އެޖެންސީގެ މަސްއޫލުވެރި ފަރާތެއްގެ ގޮތުގައި ޑރ. މުޙައްމަދު ޒާހިރު ޙުސައިން އަށް މަސައްކަތް ނުކުރެވޭނެތީ އެ ނޫސް އެޖެންސީގެ މަސްއޫލުވެރިއެއްގެ ގޮތުގައި ހިމެނިފައި ނުވަނީ ކަމުގައެވެ.

މި މައްސަލައާއެކު ހުށަހެޅިފައިވާ ލިޔުންތައް ދިރާސާ ކުރުމުން ފާހަގަ ވެފައިވަނީ 1983 ގައި ރަޖިސްޓްރީވެފައިވާ "ހަވީރު ނޫސް އެޖެންސީ" (ހަނާ / މޯލްޑިވްސް) ގެ ނަމުގައި ރަޖިސްޓްރީ ކޮށްގެން ނެރެފައިވާ ނޫހެއް، ނުވަތަ އެ އެޖެންސީ އެއްގެ ފަރާތުން ކޮށްފައިވާ އެފަދަ އެއްވެސް މަސައްކަތެއް، ނުވަތަ ވިޔަފާރިއަކާ ގުޅުންހުރި ލިޔެ ކިޔުމެއް، ހެއްކެއް، މި މައްސަލައިގެ ލިޔެކިޔުންތަކުން ފެންނަތް ނެތްކަމެވެ.

އަދި މި މައްސަލައިގައި ޚިލާފެއް ނެތް އެއް ނުކުތާއަކީ، 1983 މާޗް 31 ވަނަ ދުވަހު "ހަވީރު ނޫސް އެޖެންސީ" އުފެއްދުމަށް "ފައުންޑަރުން އެއްބަސްވި އެއްބަސްވުން" ނަމުގައި އެއްބަސްވުމެއް ލިޔެ، އިބްރާހީމް ރަޝީދު މޫސާ އާއި، ޢަބްދުﷲ ފާރޫޤު ޙަސަން އާއި، މުޙައްމަދު ނަޢީމް ގެ އިތުރުން ޑރ. މުޙައްމަދު ޒާހިރު ޙުސައިން ސޮއިކުރި ކަމެވެ. މި އެއްބަސްވުމުގައި، ހަވީރު ނޫސް އެޖެންސީން އެ ވަގުތު ކުރާ މަސައްކަތްތަކަކީ ދުވަހު ނޫސް ހަވީރު ނެރުމާއި، މަހަކު އެއްފަހަރު ނުކުންނަ "އަމާޒު" މަޖައްލާ ނެރުމާއި، "ހަވީރު" ގެ ފަރާތުން ރަޖިސްޓްރީ ކުރެވިފައިވާ ޗާޕުޚާނާ ވިޔަފާރީގެ ގޮތުން ހިންގުން ކަމުގައި ބަޔާންކޮށްފައި ވެއެވެ.

މައްސަލައިގެ ވާޤިޢާތަކަށް ބަލާއިރު، ފާހަގަ ކުރެވެނީ، 1983 ވަނަ އަހަރު ފައުންޑަރުންގެ އެއްބަސްވުމުގައި އެއްބަސްވުމުގެ ބައިވެރިން ސޮއިކުރުމުގެ ކުރިން ވެސް ހަވީރު ނޫހަކީ ރަޖިސްޓްރީވެފައިވާ ނޫހެއްކަމެވެ. އެ ނޫސް ރަޖިސްޓްރީވެފައިވަނީ 1978 ޑިސެމްބަރ 28 ވަނަ ދުވަހުގައެވެ. އަދި އެ ނޫހަށް 1987 ޖޫން 29 ވަނަ ދުވަހު ދޫކޮށްފައިވާ "ނޫސް މަޖައްލާގެ ރަޖިސްޓްރީ" އިން އެނގޭ ގޮތުގައި އެ ރަޖިސްޓްރީއަކީ 28 ޑިސެމްބަރ 1978 ގައި ހަދާދީފައިވާ ރަޖިސްޓްރީ އުވާލައި، އެ ނޫހުގެ އެޑިޓަރު ބަދަލުވުމާ ގުޅިގެން އަލުން ހަދައިދީފައިވާ ރަޖިސްޓްރީއެއް ކަމެވެ. އަދި އެ ރަޖިސްޓްރީގައި ނޫހުގެ މަސްއޫލުވެރި ފަރާތެއްގެ ގޮތުގައި އޮތީ ޑރ. މުޙައްމަދު ޒާހިރު ޙުސައިންގެ ނަމެވެ. އަދި ހަވީރު މީޑިއާ ގްރޫޕުގެ މަސްއޫލުވެރިކަމުގެ ދަށަށް ދުވަހު ނޫސް ހަވީރު ދިއުމާ ހަމައަށް، އެ ނޫހުގެ މަސްއޫލުވެރި ފަރާތުގެ ގޮތުގައި ޝަރީޢަތަށް ހުށަހެޅިފައިވާ ރަޖިސްޓްރީތަކުގައި ފެންނަން އޮތީ ވެސް ޑރ. މުޙައްމަދު ޒާހިރު ޙުސައިންގެ ނަމެވެ.

މީގެ އިތުރަށް ފައުންޑަރުންގެ އެއްބަސްވުމަށް ތަފުސީލުކޮށް ބަލާއިރު، ކުރިން އެހެން ފަރާތެއްގެ ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ ނޫހެއް، ނޫސް އެޖެންސީ އެއް، ނުވަތަ އެނޫންވެސް ވިޔަފާރިއެއް ނުވަތަ މުދަލެއްގެ މިލްކުވެރިކަން އެ އެޖެންސީއަށް ބަދަލުކުރުމާމެދު އެއްވެސް ކަމެއް ފާހަގަ ކޮށްފައިނުވެއެވެ.

އަދި ޑރ. މުޙައްމަދު ޒާހިރު ޙުސައިންގެ މަސްއޫލުވެރިކަމުގައި އޮތް ހަވީރު ނޫސް، 11 އޮގަސްޓް 1983 ގައި ރަޖިސްޓްރީވެފައިވާ "ހަވީރު ނޫސް އެޖެންސީ" (ހަނާ/މޯލްޑިވްސް) ގެ މަސްއޫލުވެރިކަމަށް ނުވަތަ އެ އެޖެންސީގެ މިލްކުވެރިކަމަށް ބަދަލުވިކަން ނުވަތަ ހަވީރު ނޫހުގެ މަސްއޫލުވެރިކަމުގައި ނުވަތަ މިލްކުވެރިކަމުގައި މުޙައްމަދު ޒާހިރު ޙުސައިން އާއި، 11 އޮގަސްޓް 1983 ގައި ރަޖިސްޓްރީވެފައިވާ "ހަވީރު ނޫސް އެޖެންސީ" (ހަނާ/މޯލްޑިވްސް) އެކުގައި ހިއްސާވިކަން އެނގޭނެ ހެއްކެއް މި މައްސަލައިގެ ލިޔުންތަކުން ފާހަގަ ވެފައިނުވެއެވެ.

މިލްކުވެރިކަމާ ގުޅޭ މި ނުކުތާ ކުރިން އިސްތިއުނާފު ކުރެވުނުތަ؟

ސުޕްރީމް ކޯޓުގެ ނިންމުމެއް އަލުން ބަލައިދިނުމަށް އެދިފައިވާ މި މައްސަލައިގައި ވާހަކަ މި ދެކެވެނީ ސުޕްރީމް ކޯޓުގެ ކުރީގެ ނިންމުމެއް ނިންމުމުގައި އަސާސީ ކަމެއް ދޫވެފައި އޮތުމުގެ ސަބަބުން ފާޅުކަންބޮޑު ބޭއިންސާފެއް ކުރިމަތިވެފައިވާ ކަން ނުވަތަ ނޫންކަމުގެ މައްޗަށެވެ. ވުމާއެކު، ޑރ. މުޙައްމަދު ޒާހިރު ޙުސައިންގެ ނަމުގައި ރަޖިސްޓްރީވެފައިވާ މުދަލެއް، އެހެން ފަރާތެއްގެ މުދަލެއްގެ ގޮތުގައި ހައިކޯޓުގެ ނިންމުމުގައި އޮވެގެން އެކަން ކުރިން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައިވޭތޯ މި މައްސަލައިގައި ގޮތެއް ނިންމުމުގައި ބަލަންޖެހެއެވެ.

މިކަމަށް ބަލާއިރު، ފާހަގަކުރެވެނީ 2015 ނޮވެމްބަރ 04 ވަނަ ދުވަހު ހައިކޯޓުގެ ނިންމުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުގެ ހުއްދައަށް އެދި ޑރ. މުޙައްމު ޒާހިރު ޙުސައިން ހުށަހަޅާފައިވާ ހުށަހެޅުމުގެ 05 ވަނަ ނުކުތާގައި މި ކަމާމެދު ވާހަކަ ދައްކާފައިވެއެވެ. މި ގޮތުން އެ ނުކުތާގައި ތަފުސީލުކޮށް، ހަވީރު ނޫހާއި، ލޯމާފާނު ޕްރިންޓްގެ މިލްކުވެރި ފަރާތުގެ ނުޤަބޫލުގައި ޤާނޫނީ ގޮތުން އުފެދިފައިވާ މުދަލެއް އެހެން ފަރާތަކަށް މިލްކުކޮށް ދިނުމަކީ ޤާނޫނުއަސާސީގެ 40 ވަނަ މާއްދާއާ އަދި ޢާންމު ޤާނޫނީ ޙުކުމްތަކާ ޚިލާފުކަމެއްކަމުގައި ބުނެ އެކަން ތަފުސީލުކޮށް ބަޔާންކޮށްފައިވެއެވެ. ވުމާއެކު، މިއީ އަލަށް ސުޕްރީމް ކޯޓުގެ ކުރިމައްޗަށް ސުޕްރީމް ކޯޓުގެ ނިންމުމެއް މުރާޖަޢާ ކުރުމުގެ ތެރެއިން ހުށަހެޅުނު ޤާނޫނީ ބަހުސެއް ނޫނެވެ.

ކަންމިހެން އޮތުމުން މި މައްސަލައިގައި ހައިކޯޓުގެ ނިންމުމުގައި ފާހަގަ ކޮށްފައިވާ ހަވީރު ނޫސް އެޖެންސީ އާއި ޑރ. މުޙައްމަދު ޒާހިރު ޙުސައިންއާ އޮތް ޤާނޫނީ ގުޅުމަކީ، ކޮބައިކަމާމެދު އުފައްދާފައިވާ ސުވާލަކީ، އެ ސުވާލަށް ސުޕްރީމް ކޯޓުގެ އިސްތިއުނާފީ މަރުޙަލާއިން ޖަވާބެއް ލިބެންޖެހޭފަދަ ޤާނޫނީ ބަހުސެއް އޮތް ސުވާލެއް ކަމުގައި ދެކެމެވެ. އެހެން ގޮތަކަށް ބުނާނަމަ، މިއީ ހައިކޯޓުގެ ޙުކުމް ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމަށް އެކަށޭނެ ޤާނޫނީ ނުކުތާއެއްކަމުގައި އަހުރެން ދެކެމެވެ. އަދި މިފަދަ ނުކުތާއެއް ފާހަގަކޮށްފައިވަނިކޮށް، އެފަދަ ކަމެއް ނެތްކަމުގައި ބަލައި މި މައްސަލަ އިސްތިއުނާފު ކުރުމުގެ ހުއްދަ ދިނުމަށް ނުފެންނަ ކަމުގައި ނިންމާފައި އޮތް އޮތުމަކީ، އެކަމުގެ ސަބަބުން ފާޅުކަން ބޮޑު ބޭއިންސާފެއް ކުރިމަތިވެދާނެ ކަމެއް ކަމުގައި އަހުރެން ދެކެމެވެ.

ހަވީރު މީޑިއާ ގުރޫޕުގެ ބަހެއް ހޯދަން ޖެހޭތަ؟

ސުޕްރީމް ކޯޓުގެ ނިންމުން އަލުން ބަލައިދިނުމަށް އެދި ޑރ. މުޙައްމަދު ޒާހިރު ޙުސައިން ހުށަހަޅާފައިވާ ފުރަތަމަ ނުކުތާއަކީ، އަދި މި މައްސަލައަށް ތަދައްޚުލުވި ހަވީރު މީޑިއާ ގްރޫޕުން ފާހަގަކުރި ހަމައެކަނި ނުކުތާއަކީ، ހައިކޯޓުން މި މައްސަލަ ނިންމިއިރު، ހަވީރު މީޑިއާ ގްރޫޕުގެ ދަށުން ހިންގަމުންދިޔަ ހަވީރު ނޫހާއި ލޯމާފާނު ޕްރިންޓާމެދު ވަކި ގޮތަކަށް ޢަމަލުކުރުމަށް އެ ކުންފުންޏާ ގުޅުމެއް ނެތް ފަރާތެއްގެ މައްޗަށް އަންގާފައިވާކަމަށް ދޭހަވާއިރު، އެ ކުންފުނީގެ މަސްލަހަތުގައި ވާހަކަ ދެއްކުމުގެ ފުރުސަތު ދިނުމަކާ ނުލައި ހައިކޯޓުން ގޮތެއް ނިންމުމަކީ ޤާނޫނާ ޚިލާފަށް ނިންމާފައިވާ ނިންމުމެއް ކަމުގައްޔާއި، އެއީ ފާޅުވެގެންވާ ބޭއިންސާފެއް ކަމުގައެވެ.

މި މައްސަލައާއެކު ހުށަހެޅިފައިވާ ލިޔުންތަކަށް ބަލާއިރު، ހަވީރު މީޑިއާ ގްރޫޕް ޕްރައިވެޓް ލިމިޓެޑަކީ 28 މާރޗް 2013 ގައި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ރަޖިސްޓްރީ ވެފައިވާ ކުންފުންޏެކެވެ. އެ ކުންފުނީގެ ދަށަށް ދުވަހު ނޫސް "ހަވީރު" ބަދަލު ކުރެވިފައިވަނީ 14 މެއި 2013 ގައެވެ. މި މައުލޫމާތު އެ ތާރީޚުގައި މިނިސްޓްރީ އޮފް ޓޫރިޒަމް އާރޓްސް އެންޑް ކަލްޗަރއިން ދޫކޮށްފައިވާ "ނޫސް މަޖައްލާފަދަ ތަކެތީގެ ރަޖިސްޓްރީ" އިން އެނގެއެވެ. މި ރަޖިސްޓްރީގައި ރަޖިސްޓްރީ ނަންބަރެއްގެ ގޮތުގައި އޮތީ "227" އެވެ. މިއީ ސިވިލް ކޯޓަށް ހުށަހެޅިފައިވާ ހަވީރު ނޫހުގެ 1985 ވަނަ އަހަރު ދޫކޮށްފައިވާ ރަޖިސްޓްރީއިން ފެށިގެން އެކި ރަޖިސްޓްރީތަކުގައި ރަޖިސްޓްރީ ނަންބަރުގެ ގޮތުގައި އޮތް ނަންބަރުކަން ވެސް ފާހަގަ ކުރަމެވެ.

އަދި މި މައްސަލައިގައި ވާހަކަ ދެކެވޭ "ލޯމާފާނު ޕްރިންޓް"ގެ މެޝިނަރީފަދަ ތަކެތީގެ ވެރިފަރާތަކީ، "ހަވީރު" ކަން މިނިސްޓްރީ އޮފް ހޯމް އެފެއާޒުން 23 ނޮވެމްބަރ 1995 ގައި ދޫކޮށްފައިވާ، "ޗާޕުކުރާތަންތާގެ ރަޖިސްޓްރީ" އިން އެނގެއެވެ. މި ރަޖިސްޓްރީއަކީ ސިވިލް ކޯޓަށް މި މައްސަލައާ ގުޅިގެން ހުށަހެޅިފައިވާ ލިޔުމެކެވެ.

ހަވީރު ނޫހުގެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިވަނީ، 07 ޖެނުއަރީ 2015 ގައެވެ. ހައިކޯޓަށް މި މައްސަލަ އިސްތިއުނާފު ކުރެވުނު އިރު، ދުވަހު ނޫސް ހަވީރުގެ މަސްއޫލުވެރި ފަރާތަކީ ހަވީރު މީޑިއާ ގްރޫޕެވެ.

ހަވީރު ނޫހުގެ މައްސަލައިގައި ހައިކޯޓުން ނިންމާފައިވާ ނިންމުމަށް ބަލާއިރު، އެ ނިންމުމުގައި، ދުވަހު ނޫސް "ހަވީރު" ނުވަތަ "ލޯމާފާނު ޕްރިންޓް" އަކީ އެ ނިންމުމުގައި ބަޔާންކޮށްފައިވާ ހަވީރު ނޫސް އެޖެންސީގެ މިލްކު އެއްޗެއް ކަމުގައި ސާފުކޮށް، ބަޔާންކޮށްފައި ނުވެއެވެ. އެހެން ނަމަވެސް، މި މައްސަލައިގައި ސިވިލް ކޯޓާއި ހައިކޯޓުގައި މައްސަލައިގެ ޚަޞްމުން ދައްކާފައިވާ ވާހަކަތަކުންނާއި، ހައިކޯޓުގެ ނިންމުމުގައި "ހަވީރު ނޫސް އެޖެންސީ އާއި، އެތާގެ މިލްކުގައިވާ ހުރިހާ ފައިސާއަކާއި މުދަލުގެ" ގޮތުގައި އިޝާރާތް ކޮށްފައި އެވަނީ، ދުވަހު ނޫސް ހަވީރާއި، ލޯމާފާނު ޕްރިންޓް ފަދަ، ހަވީރު މީޑިއާ ގްރޫޕަށް އެ މުދާތަކުގެ މިލްކުވެރިކަން ނަގުލުވުމުގެ ކުރިން، ޑރ. މުޙައްމަދު ޒާހިރު ޙުސައިންގެ ނަމުގައި ރަޖިސްޓްރީވެފައިވާ ތަކެއްޗަށް ކަމުގައި ބެލެވެއެވެ.

ހަވީރު ނޫހުގެ މައްސަލަ ސިވިލް ކޯޓަށް ހުށަހަޅަމުން، މައްސަލަ ހުށަހެޅި އިބްރާހީމް ރަޝީދު މޫސާ އާއި ޢަބްދުﷲ ފާރޫޤު ޙަސަން އެ ކޯޓުގައި އެދިފައިވަނީ، 31 މާރޗް 1983 އިން ފެށިގެން އެ މައްސަލަ ސިވިލް ކޯޓަށް ހުށަހެޅި ދުވަހާ ހަމައަށް "ހަވީރު ނޫސް އެޖެންސީ" އާއި އެ އެޖެންސީން ނެރުނު ދުވަހު ނޫސް "ހަވީރު" އާއި އެ އެޖެންސީން ހިންގި ޗާޕުޚާނާއިން ކުރަމުން އައި ވިޔަފާރިން ނެރެވި، އެއްކުރެވިފައިވާ ހުރިހާ މުދަލާއި، ތަކެއްޗެއްގެ މައްޗަށް، އެއީ މިހާރު އެހެން ނަމެއްގައި ރަޖިސްޓްރީ ކޮށްގެން ހިންގާ ކުންފުންޏެއް ނުވަތަ ތަނެއްގެ ދަށަށް ބަދަލުވެފައިވާ މުދަލާއި ތަކެތި ކަމުގައި ވިޔަސް އެ ތަކެތިން އެ ދެމީހުންކުރެ ކޮންމެ މީހަކަށް ލިބިގެންވާ 25 (ފަންސަވީސް) އިންސައްތަ މިލްކުވެރިކަމުގެ ހައްގު ރައްކާތެރި ކޮށްދިނުންކަން އެނގެއެވެ.

މީގެ އިތުރަށް ސިވިލް ކޯޓުން މި މައްސަލައިގައި ނިންމާފައިވާ ނިންމުން ހައިކޯޓުގައި އިސްތިއުނާފު ކުރަމުން އިބްރާހީމް ރަޝީދު މޫސާ އާއި، ޢަބްދުﷲ ފާރޫޤު ޙަސަން ފާހަގަ ކޮށްފައިވާ އިސްތިއުނާފީ ތިންވަނަ ނުކުތާއަކީ، ދުވަހު ނޫސް ހަވީރާއި، ހަވީރު ނޫހުގެ ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ ޗާޕުޚާނާގެ މިލްކުވެރި ފަރާތަކީ ޑރ. މުޙައްމަދު ޒާހިރު ޙުސައިން ކަމުގައި ސިވިލް ކޯޓުން ނިންމާފައިވާ ނިންމުން ޤާނޫނާ ޚިލާފު ކަމުގައި ބުނެ ފާހަގަ ކުރި ނުކުތާއެވެ.

ކަންމިހެން އޮތުމުން މައްސަލަ ހުށަހެޅި ފަރާތްތަކުން ރައްކާތެރިކޮށް ދިނުމަށް އެދިފައިވާ މުދަލާއި ތަކެތީގެ މިލްކުވެރި ފަރާތަކީ، ކޮބައިކަން، އަދި އެ މުދަލާއި ތަކެއްޗަކީ، އެއްވެސް ފަރާތެއްގެ ނަމުގައި ރަޖިސްޓްރީ ކުރެވިފައިވާ މުދަލާއި ތަކެތިކަން ނުވަތަ ނޫންކަން ފަދަ އަސާސީ ކަންކަން ހައިކޯޓުން މި މައްސަލައިގައި ގޮތެއް ކަނޑައެޅުމުގައި ބަލަންޖެހޭނެ ކަމުގައި ދެކެމެވެ. އަދި ނުކުތާއާ ގުޅުންހުރި، ސަރުކާރުގެ އެކި އިދާރާތަކުން ދޫކޮށްފައިވާ އެކި މުދަލުގެ ރަޖިސްޓްރީތަކުގައި، މި މައްސަލައިގައި ވާހަކަ ދެކެވޭ މުދަލުގެ މިލްކުވެރިކަން އޮތީ ކިހިނަކުންކަން ހައިކޯޓުން ބަލައި މުދަލުގެ ޞައްޙަ މިލްކުވެރިންނަކީ ކޮބައިކަން ދެނެގަންނަންޖެހޭނެ ކަމުގައި ދެކެމެވެ. އެހެން ނޫންނަމަ، ހައިކޯޓުގެ ޙުކުމް ތަންފީޒު ކުރުމުގައި ޤާނޫނީ ގޮތުން އިތުރު ހުރަސްތަކެއް ކުރިމަތިވުމުގެ އިހުތިމާލު ވެސް އުފަންވާނެ ކަމުގައި ދެކެމެވެ.

އަދި މި މައްސަލައިގައި ވާހަކަ ދެކެވޭ ހަވީރު ނޫހުގެ މަސްއޫލުވެރި ފަރާތްކަމުގައިވާ ރަސްމީ ލިޔެކިޔުންތަކުން އެނގޭ ހަވީރު މީޑިއާ ގްރޫޕުގެ ބަހެއް ހައިކޯޓުން ހޯދާފައި ނުވުމުގެ ސަބަބުން، ޤާނޫނީ ޝަޚްޞެއްގެ މިލްކުވެރި މުދަލަކުން، އެ މިލްކުވެރި ފަރާތުގެ ބަހެއް ނެތި، އަދި އެނގުމެއް ވެސް ނެތި، އެހެން ފަރާތެއްގެ މިލްކުވެރިކަމަށް އެ މުދާ ނަގުލު ކުރެވިދާނެ، ނުވަތަ އެ މުދަލުން ތަސައްރުފު ކުރެވިދާނެ ހާލަތެއް ހައިކޯޓުގެ ޙުކުމުން އުފަން ވެގެންދިއުމުގެ ފުރުސަތު ހުޅުވިގެން ދެއެވެ.

މިކަންކަން މިގޮތަށް ފާހަގަކުރިނަމަވެސް، މިއީ 2015 ވަނަ އަހަރު ހައިކޯޓުގެ ނިންމުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރިއިރު، ޑރ. މުޙައްމަދު ޒާހިރު ޙުސައިންގެ ފަރާތުން ފާހަގަ ކުރި ޤާނޫނީ ނުކުތާއެއް ނޫނެވެ. ވުމާއެކު، މިއީ، ސުޕްރީމް ކޯޓުގެ ނިންމުން އަލުން ބަލައި ގޮތެއް ކަނޑައެޅެން އޮތް ނުކުތާއެއް ނޫނެވެ. ނަމަވެސް، މި ފާހަގަ ކުރި ކަންކަމަކީ ހައިކޯޓުގެ ނިންމުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރެވޭ ހާލަތެއްގައި، ހަވީރު މީޑިއާ ގްރޫޕުގެ ފަރާތުން ތަދައްޚުލުވެ އެކަންކަން ފާހަގަ ކުރުމަށް ޤާނޫނީ ގޮތުން ހުރަހެއް އޮތް ކަންތައްތަކެއް ނޫންކަމުގައި އަހުރެން ދެކެމެވެ.

މައްސަލަ ނިންމަން ފެންނަ ގޮތް

މަތީގައި މި ބަޔާންކުރި ކަންކަމުގެ އަލީގައި ސުޕްރީމް ކޯޓުން، ހައިކޯޓުގެ ނަންބަރު2015/HC-A/08 ޤަޟިއްޔާ އިސްތިއުނާފު ކުރުމުގެ ހުއްދަ ނުދިނުމަށް ނިންމާފައިވަނީ، ހައިކޯޓުގެ ނިންމުން ޤާނޫނާ ޚިލާފުކަމުގައި ބެލެވޭ، އަދި އެ ނިންމުން ބިނާ ކޮށްފައިވާ އަސާސްތަކާމެދު ސުވާލު އުފެދޭ ކަންކަން ފާޅުކަން ބޮޑު ގޮތެއްގައި ފެންނަން ހުރިއިރު، އެކަންކަމަށް ރިޢާޔަތް ކުރުމެއްނެތި ކަމުގައިވާތީ، ހައިކޯޓުގެ ނަންބަރު 2015/HC-A/08 ޤަޟިއްޔާ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުގެ ހުއްދަ ދިނުމަށް ނުފެންނަކަމުގައި ސުޕްރީމް ކޯޓުން ނިންމާފައިވާ ނިންމުން ބާޠިލު ކުރުމަށްފަހު، އެ ޤަޟިއްޔާ އިސްތިއުނާފު ކުރުމުގެ ހުއްދަ، ޑރ. މުޙައްމަދު ޒާހިރު ޙުސައިން އަށް ދިނުމަށް ކަނޑައަޅައި މި މައްސަލަ ނިންމަން އަހުރެންނަށް ފެނެއެވެ.

އަދި ހައިކޯޓުގެ ނަންބަރު 2015/HC-A/08 ޤަޟިއްޔާ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރެވޭ ހާލަތުގައި އެ މައްސަލައަށް ތަދައްޚުލުވުމުގެ ހައްގު ހަވީރު މީޑިއާ ގްރޫޕަށް ލިބިގެންވާކަމުގައި ކަނޑައަޅަން ވެސް އަހުރެންނަށް ފެނެއެވެ.

އުއްތަމަ ފަނޑިޔާރު އަޙްމަދު މުޢުތަޞިމް ޢަދުނާންގެ ރައުޔު

މި މައްސަލައިގައި ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްގެ ރައުޔު

މި މައްސަލައިގައި ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

ޙުކުމް

ދެންފަހެ، އިސްވެ ބަޔާންކުރި ކަންކަން އެ ގޮތުގެމަތިން ހުރުމާއެކު، ހައިކޯޓުގެ ނަންބަރު2015/HC-A/08 ޤަޟިއްޔާ އިސްތިއުނާފު ކުރުމުގެ ހުއްދަ ނުދިނުމަށް ސުޕްރީމް ކޯޓުން ނިންމާފައިވަނީ، ހައިކޯޓުގެ ނިންމުން ޤާނޫނާ ޚިލާފުކަމުގައި ބެލެވޭ، އަދި އެ ނިންމުން ބިނާ ކޮށްފައިވާ އަސާސްތަކާމެދު ސުވާލު އުފެދޭ ކަންކަން ފާޅުކަން ބޮޑު ގޮތެއްގައި ފެންނަން ހުރިއިރު، އެކަންކަމަށް ރިޢާޔަތް ކުރުމެއްނެތި ކަމުގައިވާތީ، ހައިކޯޓުގެ ނަންބަރު 2015/HC-A/08 ޤަޟިއްޔާ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުގެ ހުއްދަ ދިނުމަށް ނުފެންނަ ކަމުގައި ސުޕްރީމް ކޯޓުން ނިންމާފައިވާ ނިންމުން ބާޠިލު ކުރުމަށްފަހު، މިއަދުން ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި ހައިކޯޓުގެ ނަންބަރު 2015/HC-A/08 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް ހުށަހެޅުމުގެ ހުއްދަ، ޑރ. މުޙައްމަދު ޒާހިރު ޙުސައިން އަށް ދިނުމަށް ކަނޑައަޅައި، ހައިކޯޓުގެ ނަންބަރު 2015/HC-A/08 ޤަޟިއްޔާ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރެވޭ ހާލަތުގައި އެ މައްސަލައަށް ތަދައްޚުލުވުމުގެ ޙައްޤު ހަވީރު މީޑިއާ ގްރޫޕް ޕްރައިވެޓް ލިމިޓެޑަށް ލިބިގެންވާ ކަމުގައި މި މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމް ކޮށްފީމެވެ.

މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ:

މަޙާޒު ޢަލީ ޒާހިރުއަޙްމަދު މުޢުތަޞިމް ޢަދުނާންމުޙައްމަދު އިބްރާހީމް(ރިޔާސަތު)

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ޝެއަރ ކުރައްވާ