ޢަބްދުއްލަޠީފް ޢަބްދުﷲ ވ. ދަ މޮރިޝަސް ކޮމާޝަލް ބޭންކް ޕްރައިވެޓް ލިމިޓެޑް
ޚުލާޞާ
ޚުލާޞާ ނެތް.
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- —
- ފަހުގެ ތާރީޚު
- —
ނިންމުން
—
ކޯ ޓާމްސް
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
މި ލިޔުމުން އުޞޫލެއް ނުނެގުނު.
ފަނޑިޔާރުން
- ބެންޗު
- —
- ޚިލާފު ރައުޔު
- ނެތް
ޝަރީޢަތުގެ ވީޑިއޯ
ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.
ޢަބްދުއްލަޠީފް ޢަބްދުއްﷲ ވ. ދަ މޮރިޝަސް ކޮމާޝަލް ބޭންކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުގެ ރައުޔު
ކަން ހިނގާފައިވާ ގޮތް
ހ. އަލިނަރުހިޔާ ޢަބްދުއްލަޠީފް ޢަބްދުﷲ އާއި އިތުރު ތިން މީހަކު ޔަޤީންކަން ދީގެން ރާގު ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް އިން، ދަ މޮރިޝަސް ކޮމާޝަލް ބޭންކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން (މީގެ ފަހުން އެމް.ސީ.ބީ) 1,280,000/-ރ. (އެއްމިލިޔަން ދެ ލައްކަ އަށްޑިހަހާސް) ރުފިޔާގެ އޯވަރ ޑްރާފްޓް ފެސިލިޓީއެއް ނެގިއެވެ. މި އޯވަރ ޑްރާފްޓް ފެސިލިޓީއާ ގުޅިގެން ރާގު ކޮމްޕެނީގެ ފަރާތުން އެމް.ސީ.ބީއަށް ދައްކަންޖެހޭ ފައިސާ ދައްކަމުން ނުދާތީ، އެ ފައިސާ އާއި ފައިސާ ނުދެއްކުމުގެ ސަބަބުން އެ ކުންފުނީގެ ފަރާތުން ބެންކަށް ދައްކަންޖެހޭ ހުރިހާ ފައިސާއެއް ރާގު ކޮމްޕެނީގެ ފަރާތުން ހޯދުމަށް އެމް.ސީ.ބީ އިން ސިވިލް ކޯޓުގައި ދަޢުވާ ކުރިއެވެ. މި ދައުވާގައި ރާގު ކުންފުނީގެ ފަރާތުން މި ފައިސާ ނުދައްކައިފި ނަމަ، މި ފައިސާ ދެއްކުމުގެ ޔަޤީންކަން ދިނުމުގެ ގޮތުން ރަހުނު ކޮށްފައިވާ ހ. އަލިނަރުހިޔާ އެވެ ކިޔުނު ގޯތި ވިއްކައިގެން މި ފައިސާ ހޯދުމުގެ ހައްގު ލިބިގެންވާކަން ކަނޑައަޅައި ދިނުމަށް އެމް.ސީ.ބީން އެދިފައިވެއެވެ.
ދަޢުވާއަށް ޖަވާބުދާރީވަމުން ޢަބްދުއްލަޠީފް ޢަބްދުﷲ ގެ ފަރާތުން ސިވިލް ކޯޓުގައި ފާހަގަ ކޮށްފައިވަނީ، މި މައްސަލައިގައި ވާހަކަ ދެކެވޭ ލޯނު ނަގާފައިވާ ރާގު ކުންފުންޏަކީ ޢަބްދުއްލަޠީފް ޢަބްދުﷲއާ އެއްވެސް ހައިސިއްޔަތަކުން ގުޅުމެއް އޮންނަ ކުންފުންޏެއް ނޫންކަމުގައެވެ. އަދި މި ލޯނަށް އަމިއްލަ ހައިސިއްޔަތުން ގެރެންޓީ ދިނުމަކީ ޢަބްދުއްލަޠީފް ޢަބްދުﷲ އަށް އެއްވެސް މަންފާއެއް ލިބޭނެ ކަމެއް ނޫންކަމުގައެވެ. އަދި މި އެއްބަސްވުމުގައި އޭނާ ސޮއިކުރީ އެ ކުންފުނީގެ ހިއްސާދާރެއް ކަމުގައިވާ މއ. ރާގުންޑާގެ މުޙައްމަދު ޝިފާން، ހ.އަލިނަރުހިޔާ އެވެކިޔާ ގޯތި ހަދައިދޭނެ ކަމަށް ބުނެ އަނގަބަހުން ވެފައިވާ އެއްބަސްވުމަކަށް ބަރޯސާވެ ހުރެ ކަމަށާއި، މި ރަހުނު އެއްބަސްވުމުގައި ސޮއިކުރިއިރު، ސޮއިކުރެވުނީ ކިހައި މިންވަރެއްގެ ލޯނެއްގެ ގެރެންޓީއެއްގެ ގޮތުން ކަމެއް، މި މުޢާމަލާތުގެ ނަތީޖާއަކީ ކޮބައިކަން ނޭނގޭ ކަމުގައެވެ. އަދި އެމް.ސީ.ބީގެ ފަރާތުން މި ފަދަ އެއްވެސް ކަމެއް އޭނާއަށް އޮޅުން ފިލުވައިދީފައި ނުވާކަމުގައެވެ. މިކަންކަން ފާހަގަކޮށް، ބިމާބެހޭ ޤާނޫނުގެ 36 ވަނަ މާއްދާގެ (ހ) ގެ 02 ވަނަ ނަންބަރުގެ (ށ) އާ ޙަވާލާދީ މި އެއްބަސްވުމަކީ ޤާނޫނީ ގޮތުން ޞައްޙަ ނޫން އެއްބަސްވުމެއް ކަމުގައި ޢަބްދުލްލަޠީފް ޢަބްދުﷲ ބުނެފައިވެއެވެ.
މީގެ އިތުރަށް ބިމާބެހޭ ޤާނޫނުގެ 36 ވަނަ މާއްދާގެ (ނ) ގެ 02 ވަނަ ނަންބަރުގައިވާ ގޮތުން ރަހުނެއް ތަންފީޒު ކުރުމަށްޓަކައި، ރަހުނާ ގުޅޭ ލޯނު އެއްބަސްވުމުގައި ފައިސާ ދައްކަންޖެހޭ މުއްދަތު ހަމަވާ ތާރީޚުން ފެށިގެން 01 އަހަރު ދުވަހުގެ ތެރޭގައި އެ ފައިސާ ހޯދުމަށް ދަޢުވާ ކުރަންޖެހޭނެ ކަމުގައި ބަޔާންކޮށްފައިވާއިރު، މި މައްސަލަ ހުށަހެޅިފައިވަނީ އެ މުއްދަތު ފަހަނައަޅައި ދިޔަ ފަހުން ކަމުގައި ފާހަގަ ކޮށްފައިވެއެވެ. ވުމާއެކު، މި ދައުވާގެ ތެރެއިން ރަހުނު ތަންފީޒު ކުރުމުގެ ބައި ކުރިއަށް ނުގެންދެވޭނެ ކަމުގައި ކަނޑައަޅައި ދިނުމަށް ޢަބްދުއްލަޠީފް ޢަބްދުﷲގެ ފަރާތުން އެދިފައިވެއެވެ.
މި މައްސަލަ ސިވިލް ކޯޓުން ނިންމާފައިވަނީ އެމް.ސީ.ބީއާ އެއްކޮޅަށެވެ. ސިވިލް ކޯޓުގެ ނިންމުމުގައި ޢަބްދުއްލަޠީފް ޢަބްދުﷲ ފާހަގަ ކުރި ބިމާބެހޭ ޤާނޫނުގެ 36 ވަނަ މާއްދާގެ (ހ) ގެ 02 ވަނަ ނަންބަރުގެ (ށ) މާނަ ކޮށްދީފައިވެއެވެ. މި ގޮތުން ބިމާބެހޭ ޤާނޫނުގެ އެ މާއްދާގެ ބޭނުމަކީ، "ރަހުނު ބަހައްޓާ ފަރާތަށް ރަހުނު ބެހެއްޓުމުގެ ނަތީޖާ އާއި އެ މުޢާމަލާތް އޮޅުން ފިލުވައިދިނުން ކަމަށާއި، އެ މާއްދާގެ ބޭނުމަކީ، ޙާޟިރުގައި ވަކި ޢަދަދަކަށް މީހުން ހަމަކުރުން ނޫން" ކަމުގައި ސިވިލް ކޯޓުން ފާހަގަ ކޮށްފައިވެއެވެ. އަދި މި މައްސަލައަށް ބަލާއިރު، ރަހުނު ބަހައްޓާފައިވާ ޢަބްދުއްލަޠީފް ޢަބްދުﷲ ސިވިލް ކޯޓަށް ހާޟިރުވެ ސޮއިކޮށްފައިވާ ރަހުނު އެއްބަސްވުމުގެ 7.4 ވަނަ މާއްދާގައި، ރަހުނު ބެހެއްޓުމުގެ ނަތީޖާ އާއި، މުޢާމަލާތް އޮޅުން ފިލާފައިވާ ކަމަށް އެއްބަސްވެފައިވާކަން އެނގެން އޮންނާތީ، ބިމާބެހޭ ޤާނޫނުގެ 36 ވަނަ މާއްދާގެ މަޤުޞަދު ހާސިލުވެފައިވާކަން ސިވިލް ކޯޓުން ފާހަގަ ކޮށްފައިވެއެވެ. އަދި ބިމާބެހޭ ޤާނޫނުގެ އެ މާއްދާ މި އެއްބަސްވުމުގެ މައްޗަށް ތަޠުބީޤު ކޮށްފައިވާ ގޮތުން، އެއްބަސްވުމުގެ ޞައްޙަކަމަށް ބަދަލެއް އައިސްފައިނުވާކަން ވެސް އެ ކޯޓުން ފާހަގަ ކޮށްފައިވެއެވެ.
ދަޢުވާ ކުރުމުގެ މުއްދަތާމެދު ޢަބްދުއްލަޠީފް ޢަބްދުﷲގެ ފަރާތުން ފާހަގަ ކުރި ނުކުތާގައި ސިވިލް ކޯޓުން ފާހަގަ ކޮށްފައިވަނީ، ބިމާބެހޭ ޤާނޫނުގެ 36 ވަނަ މާއްދާގެ (ނ) ގެ 02 ވަނަ ނަންބަރު ހިނގާނީ، "ރަހުނު ބަހައްޓާ ފަރާތާއި، ރަހުނު ހިފާ ފަރާތުން ލިޔެކިޔުމުން އެއްބަސްވެފައިވާ ޙާލަތުތައް ފިޔަވައި" އެހެން ޙާލަތްތަކުގެ މައްޗަށްކަމުގައި އެ އަކުރުގައި ބަޔާންވެފައިވާތީ، މި މުޢާމަލާތުގައި ލިޔުމުން އެއްބަސްވުމެއް އޮތުމުން އެ އަކުރުގައިވާ އުސޫލު މި މައްސަލައަށް ނުހިނގާނެ ކަމުގައެވެ. އަދި ރަހުނު އެއްބަސްވުމުގެ 3.2 ވަނަ މާއްދާއަށް ބަލާއިރު، ލޯނުގެ ބާކީ ފައިސާ ދައްކާ ޚަލާޞްކުރެވެންދެން ރަހުނުގެ މައްޗަށް އެމް.ސީ.ބީގެ ޙައްޤު ދެމި އޮންނާނެ ކަމުގައި އެއްބަސްވެފައިވާތީ، އެ ފައިސާ ދައްކާ ޚަލާޞް ކުރެވެންދެން ރަހުނުގެ މައްޗަށް އޮތް އެމް.ސީ.ބީގެ ޙައްޤު ގެއްލިގެން ނުދާނެ ކަމުގައެވެ.
މި ކަންކަން ފާހަގަ ކުރުމަށްފަހު، މި މުޢާމަލާތާ ގުޅިގެން 01 އޮކްޓޯބަރ 2015 ގެ ނިޔަލަށް ކްރެޑިޓް ފެސިލިޓީއަށް ދަންކަންޖެހި ނުދައްކާ އޮތް، 1,560,769/65 (އެއްމިލިޔަން ފަސްލައްކަ ފަސްދޮޅަސްހާސް ހަތްސަތޭކަ ފަސްދޮޅަސްނުވަ ރުފިޔާ ފަސްދޮޅަސް ފަސް ލާރި) އާއި، މި މައްސަލައިގައި އެމް.ސީ.ބީގެ ފަރާތުން ކުރަންޖެހުނު ޤާނޫނީ ޚަރަދަށް ދައްކަންޖެހޭ -/25000 (ފަންސަވީސް ހާސް) ރުފިޔާ އާއި، މުޢާމަލާތާ ގުޅިގެން އިތުރަށް އަރަމުންދާ އިންޓްރެސްޓާއި ޖޫރިމަނާއާއެކު މި އެންމެހައި ފައިސާ 05 އޮކްޓޯބަރ 2017 އިން ފެށިގެން 07 (ހަތެއް) މަސްދުވަހުގެ ތެރޭގައި އެމް.ސީ.ބީއަށް ދެއްކުމަށް ރާގު ކުންފުންޏަށާއި، ޢަބްދުއްލަޠީފް ޢަބްދުﷲ އާއި، މި ލޯނަށް ގެރެންޓީ ދީފައިވާ އެހެން ފަރާތްތަކުގެ މައްޗަށް ސިވިލް ކޯޓުން އަމުރު ކޮށްފައިވެއެވެ. އަދި މި ފައިސާ އެ މުއްދަތުގައި ނުދައްކައިފިނަމަ، މި މުޢާމަލާތުގައި ރަހުނު ކުރެވިފައިވާ ގޯތި އެއްބަސްވުމުގައިވާ ގޮތުގެމަތިން ވިއްކާލުމުގެ ޙައްޤު އެމް.ސީ.ބީއަށް ލިބިގެންވާކަމުގައި ވެސް އެ ކޯޓުން ކަނޑައަޅާފައިވެއެވެ.
ސިވިލް ކޯޓުން މައްސަލަ ނިންމުމުން އެ ނިންމުމާމެދު ހިތްހަމަ ނުޖެހިގެން ޢަބްދުއްލަޠީފް ޢަބްދުﷲ ގެ ފަރާތުން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިވެއެވެ. މި މައްސަލަ ބަލާފައިވަނީ ހައިކޯޓުގެ ނަންބަރު 2018/HC-A/60 ޤަޟިއްޔާ އިންނެވެ. ހައިކޯޓުގައި މައިގަނޑު ގޮތެއްގައި ޢަބްދުއްލަޠީފް ޢަބްދުﷲ ފާހަގަ ކޮށްފައިވަނީ ބިމާބެހޭ ޤާނޫނާ ޙަވާލާދީ އޭނާގެ ފަރާތުން ސިވިލް ކޯޓުގައި ފާހަގަ ކުރި ކަންކަމެވެ.
ހައިކޯޓުގައި ޢަބްދުއްލަޠީފް ޢަބްދުﷲ ކުރި އިސްތިއުނާފީ މައްސަލައިގައި އެ ކޯޓުން ސިވިލް ކޯޓުގެ ޙުކުމަށް މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ތާއީދުކޮށްފައިވެއެވެ.
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅި އިސްތިއުނާފީ ނުކުތާތައް
ހައިކޯޓުގެ ނަންބަރު 2018/HC-A/60 ޤަޟިއްޔާގެ ނިންމުމާމެދު ހިތްހަމަ ނުޖެހިގެން ޢަބްދުއްލަޠީފް ޢަބްދުﷲ ސުޕްރީމް ކޯޓުގައި އެ މައްސަލަ އިސްތިއުނާފު ކޮށްފައިވެއެވެ. މި އިސްތިއުނާފުގައި ފާހަގަ ކޮށްފައިވަނީ އަންނިވި ދެ ނުކުތާއެވެ.
ފުރަތަމަ ނުކުތާއަކީ މި މައްސަލައިގައި ބިމާބެހޭ ޤާނޫނުގެ 36 ވަނަ މާއްދާގެ (ހ) ގެ 02 ވަނަ ނަންބަރުގެ (ށ) މާނަ ކޮށްފައިވަނީ ރަނގަޅަށް ނޫން ކަމުގައި ބުނެ ފާހަގަ ކުރި ނުކުތާއެވެ. މި ނުކުތާ ތަފުސީލު ކުރަމުން، ބިމާބެހޭ ޤާނޫނުގެ އެ މާއްދާގައި، ރަހުނު ހިފާ ފަރާތަށް، ރަހުނުގެ މުޢާމަލާތާއި، އެ މުޢާމަލާތު ކުރުމުގެ ނަތީޖާ ރަހުނު ބަހައްޓާ ފަރާތަށް އޮޅުން ފިލުވައި ދިނުމުގެ ޒިންމާއެއް މަތި ކޮށްފައިވާ ކަމަށާއި، އެ ޒިންމާއިން އެ ފަރާތަށް ބަރީޢަ ނުވެވޭނެކަން ފާހަގަ ކޮށްފައިވެއެވެ. އަދި އެ ޒިންމާ އަދާ ނުކުރުމަކީ، ސިވިލް ސަރވިސް ކޮމިޝަން ވ. އިބްރާހީމް ސާމިނު މައްސަލައިގައި ސުޕްރީމް ކޯޓުން ފާހަގަ ކޮށްފައިވާ ފަދައިން ޤާނޫނުގެ ހުދޫދުން ބޭރުވުން ކަމުގައި ޢަބްދުއްލަޠީފް ޢަބްދުﷲގެ ފަރާތުން ފާހަގަ ކޮށްފައިވެއެވެ. އަދި ޤާނޫނުގައި ވަކި ގޮތަކަށް އޮތް ކަމެއްގައި ޢަމަލު ކުރަންވާނީ ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ކަން މީގެ ކުރިން ސުޕްރީމް ކޯޓުން ނިންމާފައިވާ ނަސީމާ ޢަލީ ވ. މޫސާ ޙަލީމް މައްސަލައިން ވެސް ސާފުކޮށް އެނގޭކަން ފާހަގަ ކޮށްފައިވެއެވެ.
ދެވަނަ ނުކުތާއަކީ، މި މައްސަލައިގައި ބިމާބެހޭ ޤާނޫނުގެ 36 ވަނަ މާއްދާގެ (ނ) ގެ 02 ވަނަ ނަންބަރު މާނަކޮށް ތަޠުބީޤު ކޮށްފައިވަނީ ރަނގަޅަށް ނޫން ކަމުގައި ބުނެ ފާހަގަ ކުރި ނުކުތާއެވެ. މި ނުކުތާގެ ތަފުސީލުގައި ޢަބްދުއްލަޠީފް ޢަބްދުﷲގެ ފަރާތުން ފާހަގަ ކޮށްފައިވަނީ، މި މައްސަލައިގައި ވާހަކަ ދެކެވޭ އެއްބަސްވުމުގައި، ޤާނޫނުގައި ދަޢުވާ ކުރުމަށް ކަނޑައަޅާފައި އޮތް 01 އަހަރުގެ މުއްދަތުގެ ފަހުން ދަޢުވާ ކުރެވޭނެ ކަމަށް ބަޔާންކުރާ މާއްދާއެއް ނެތް ކަމުގައެވެ. ނަމަވެސް، މި މައްސަލައިގައި ލިޔުމުން އެއްބަސްވުމެއް އޮތްކަމުގައްޔާއި، އެ އެއްބަސްވުމުގެ 3.2 ވަނަ މާއްދާގައި ވަކި މުއްދަތަކަށް ރަހުނުގެ މައްޗަށް ބެންކަށް ޙައްޤުތަކެއް ލިބިގެންވާކަމަށް ކަމުގައި ބަޔާންކޮށްފައި އޮތުމުގެ މައްޗަށް ބިނާކޮށް، ބިމާބެހޭ ޤާނޫނުގެ 36 ވަނަ މާއްދާގެ (ނ) ގެ 02 ވަނަ ނަންބަރު މި މައްސަލައަށް ތަޠުބީޤު ނުކުރެވޭނެ ކަމުގައި ހައިކޯޓުން ނިންމާފައިވާ ނިންމުމަކީ ޤާނޫނީ ގޮތުން ރަނގަޅު ނިންމުމެއް ނޫންކަމުގައެވެ. އެހެނީ ޤާނޫނުގައި ޞަރީޙަކޮށް ބުނެފައިވާ ކަމެއް އެ ނޫން ގޮތަކަށް ކުރުމަކަށް މި މައްސަލައިގައި ލިޔުމުން އެއްބަސްވެވިފައި ނެތެވެ.
އިސްތިއުނާފީ ނުކުތާތަކުގެ ރައްދު
ޢަބްދުއްލަޠީފް ޢަބްދުﷲގެ ފަރާތުން ހުށަހެޅި އިސްތިއުނާފީ ދެ ނުކުތާއަށް މައުޟޫޢީ ގޮތުން ރައްދު ދިނުމުގެ ކުރިން، އެ ދެ ނުކުތާއިން ހައިކޯޓުން މި މައްސަލައިގައި ނިންމާފައިވާ ނިންމުން ޤާނޫނާ ޚިލާފުވާ ގޮތެއް ބުނެދެވިފައި ނުވާކަން ފާހަގަ ކޮށްފައިވެއެވެ. މި ގޮތުން ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 16 ވަނަ މާއްދާ އާއި، ސުޕްރީމް ކޯޓުގެ ގަވާއިދުގެ 25 ވަނަ މާއްދާގައި ބަޔާންވެފައިވާ، ހައިކޯޓުގެ ޙުކުމެއް ނުވަތަ ނިންމުމެއް ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރެވިދާނެ ޙާލަތްތަކުން ކުރެ ޙާލަތެއް މި މައްސަލައިގައި ދިމާވެފައި ނުވާކަން އެމް.ސީ.ބީގެ ފަރާތުން ފާހަގަ ކޮށްފައިވެއެވެ. މީގެ އިތުރުން، އިބްރާހީމް ޖިހާދު ވ. ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް މައްސަލައިގައި ސުޕްރީމް ކޯޓުން ފާހަގަ ކޮށްފައިވާ ފަދަ، ހައިކޯޓުގެ ނިންމުން ޤާނޫނީ ގޮތުން ދެކޮޅު ނުޖެހޭ ސަބަބެއް، އެ ނިންމުމުގެ ސަބަބުން އުފެދޭ ޤާނޫނީ ބަހުސެއް މި މައްސަލައިގައި ހުށަހެޅިފައިވާ އިސްތިއުނާފީ ނުކުތާތަކުގައި ބުނެދެވިފައި ނުވާކަން އެމް.ސީ.ބީގެ ފަރާތުން ފާހަގަ ކޮށްފައިވެއެވެ.
އިސްތިއުނާފީ ނުކުތާތަކަށް ވަކިވަކިން ރައްދު ދެމުން އެމް.ސީ.ބީގެ ފަރާތުން އަންނަނިވި ކަންކަން ފާހަގަ ކޮށްފައިވެއެވެ.
ބިމާބެހޭ ޤާނޫނުގެ 36 ވަނަ މާއްދާގެ (ހ) ގެ 02 ވަނަ ނަންބަރުގެ (ށ) ގެ މަގުސަދަކީ، މުޢާމަލާތު ކުރުމުގައި ވަކި ޢަދަދަކަށް ހެކިން ހާޒިރު ކޮށްފައި ބޭތިއްބުން ނޫންކަމަށާއި، ރަހުނުގެ މުޢާމަލާތާއި އެ މުޢާމަލާތުގެ ނަތީޖާ ރަހުނު ބަހައްޓާ ފަރާތަށް އެނގުން ކަމުގައި ހައިކޯޓުން ނިންމާފައިވާ ނިންމުން ޤާނޫނާ އެއް ގޮތަށް ކަމުގައެވެ. އަދި މި ފަދައިން ރަހުނު ބަހައްޓާ ފަރާތަށް އެކަންކަން އޮޅުންފިލާފައިވާނަމަ، ޤާނޫނުގެ މަޤުޞަދު ހާސިލުވީކަމުގައި ބެލެވޭނެ ކަމުގައެވެ. އަދި މި މުޢާމަލާތަށް ބަލާއިރު، ދެ ފަރާތުގެ ދެމެދުގައި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ކޯޓުގައި ކަމަށާއި، ސިވިލް ކޯޓުގައި މި އެއްބަސްވުން ރަޖިސްޓްރީ ކޮށްފައިވުމުން، މި އެއްބަސްވުމުގައި ދެ ފަރާތުން ސޮއިކޮށްފައިވަނީ އެއްވެސް މަޖުބޫރުކަމެއް ނެތިކަން އެނގޭ ކަމުގައެވެ. އަދި އެއްބަސްވުމުގައި އޮތް އެއްޗެއް އޮޅުން ނުފިލައިގެން ޢަބްދުއްލަޠީފް ޢަބްދުﷲގެ ފަރާތުން ސޮއިކުރި ވަގުތު ނުވަތަ އެއިގެ ފަހުން ވެސް އެއްވެސް ޝަކުވާއެއް ކޮށްފައި ނުވާ ކަމުގައްޔާއި، މިކަންކަން މިހެން ހުރިއިރު، ސަބަބުވެރި އިންސާނެއްގެ ވިސްނުމުން ވިސްނާއިރު، ޢަބްދުއްލަޠީފް ޢަބްދުﷲ މި މުޢާމަލާތުގައި ބައިވެރިވެފައިވަނީ މި މުޢާމަލާތުގެ ޠަބީޢަތާއި ނަތީޖާ އެނގުމެއް ނެތިކަމުގައި ޤަބޫލުކުރަން ދަތި ކަމުގައެވެ. އަދި މިކަން މި މޭރުމުން ހައިކޯޓުން ފާހަގަ ކޮށްފައިވާކަން ވެސް އެމް.ސީ.ބީގެ ފަރާތުން ފާހަގަ ކުރެއެވެ.
އިސްތިއުނާފީ ދެވަނަ ނުކުތާއާ ގުޅިގެން ފާހަގަ ކޮށްފައިވަނީ، މި މައްސަލައިގައި ދެ ފަރާތުގެ ދެމެދުގައި އެއްބަސްވުމެއް ވެފައިވަނީ ލިޔުމުން ކަމަށާއި، ރަހުނާ ގުޅިގެން ދަޢުވާ ކުރުމަކީ، ބޭންކަށް ލިބިގެންވާ ޙައްޤެއް ކަމުގައިވެފައި، އެ އެއްބަސްވުމުގައި ލޯނުގެ ބާކީ ފައިސާ ދައްކައި ޚަލާޞްކުރެވެންދެން ރަހުނުގެ މައްޗަށް އޮތް ބެންކްގެ ހައްޤުތައް ދެމި އޮންނާނެ ކަމުގައި ބަޔާންވެފައި އޮތުމުން، ބިމާބެހޭ ޤާނޫނުގެ 36 ވަނަ މާއްދާގެ (ނ) ގެ 02 ވަނަ ނަންބަރު މި މައްސަލައަށް ތަޠުބީޤު ނުވާނެ ކަމުގައެވެ.
މުޢާމަލާތް އޮޅުން ފިލުވައި ދިނުން
އިސްތިއުނާފީ ފުރަތަމަ ނުކުތާއާ ގުޅިގެން މި މައްސަލައިގައި ޝަރީޢަތުގެ ކުރިމަތީގައި އޮތް ސުވާލަކީ، ރަހުނުގެ މުޢާމަލާތާއި، އެ މުޢާމަލާތުގެ ނަތީޖާ ޤާނޫނުގައި ބުނާ ފަދައިން "ރަނުން ރަނަށް" ރަހުނު ހިފާ ފަރާތުން ރަހުނު ބަހައްޓާ ފަރާތަށް އޮޅުން ފިލުވައި ދޭންޖެހޭނެ ހެއްޔެވެ؟ ނުވަތަ މުޅި މުޢާމަލާތް ހިނގާފައިވާ ގޮތަށް ބަލައި އެކަންކަން ރަހުނު ބަހައްޓާ ފަރާތަށް އޮޅުން ފިލާފައި އޮތްކަމަށް ބެލެވޭނަމަ ފުދޭ ހެއްޔެވެ؟ އެ މިންވަރުން ޤާނޫނުގެ މަޤުޞަދު ހާސިލުވޭ ހެއްޔެވެ؟ މި ސުވާލުތަކުގެ ޖަވާބު ހޯދުމަށް އަހުރެން ފަށާނީ ބިމާބެހޭ ޤާނޫނުގެ 36 ވަނަ މާއްދާގެ (ހ) ގެ 02 ވަނަ ނަންބަރުންނެވެ.
ބިމާބެހޭ ޤާނޫނުގެ 36 ވަނަ މާއްދާގެ (ހ) ގެ 02 ވަނަ ނަންބަރުގައި އޮތީ އަންނަނިވި ޢިބާރާތެވެ.
(2) އެއްވެސް ގޯއްޗެއް ނުވަތަ ބިމެއް، އެގޯއްޗެއް ނުވަތަ ބިމެއް ރަޖިސްޓަރީ ކޮށްފައިވާ ފަރާތުން ނުވަތަ ފަރާތްތަކަކުން، ރަހުނު ކުރެވޭނީ ތިރީގައި ބުނެފައިވާ ގޮތުގެ މަތިންނެވެ.
(ހ) ރަހުނު ހިފާ ފަރާތަކީ، ވިޔަފާރި ބޭންކެއް ނުވަތަ ސަރުކާރު ގަބޫލުކުރާ މާލީ އިދާރާއަކަށްވުން.
(ށ) ރަހުނު ކުރުމުގެ ކުރީގައި، ރަހުނުގެ މުޢާމަލާތާއި، މުޢާމަލާތު ކުރުމުގެ ނަތީޖާ، މުސްތަޤިއްލު ދެ ހެކިންގެ ހާޒިރުގައި، ރަހުނު ބަހައްޓާ ފަރާތަށް ރަހުނު ހިފާފަރާތުން އޮޅުންފިލުވައިދިނުން.
ބިމާބެހޭ ޤާނޫނުގެ މި މާއްދާއަށް ބަލާއިރު، ރަހުނުގެ މުޢާމަލާތާއި، އެ މުޢާމަލާތު ކުރުމުގެ ނަތީޖާ، ރަހުނު ބަހައްޓާ ފަރާތަށް އޮޅުން ފިލުވައި ދިނުމުގެ ޒިންމާއެއް ރަހުނު ހިފާ ފަރާތަށް މަތި ކޮށްފައިވެއެވެ. އަދި މި ޒިންމާ އަދާކުރަންޖެހޭ ވަގުތަކީ ރަހުނު ކުރުމުގެ ކުރިން ކަމާއި، މި ޒިންމާ އަދާ ކުރަންޖެހޭނީ ނުވަތަ މުޢާމަލާތުގެ ކަންކަން އޮޅުން ފިލުވައި ދޭންޖެހޭނީ ދެ ހެކިންގެ ހާޒިރުގައި ކަމާއި، އެ ދެ ހެކިންގެ ކިބައިގައި ހުންނަންޖެހޭ ޝަރުޠެއްވެސް މި މާއްދާގައި ބަޔާންކޮށްފައިވެއެވެ. އެ ޝަރުޠަކީ އެ ދެ ހެކިން މުސްތަޤިއްލު ބައެއް ކަމުގައިވުމެވެ.
ހައިކޯޓުގެ ނިންމުމުގައި ބަޔާން ކޮށްފައިވަނީ، ބިމާބެހޭ ޤާނޫނުގެ 36 ވަނަ މާއްދާގެ (ހ) ގެ 02 ވަނަ ނަންބަރުގެ (ށ) ގެ މަޤުޞަދަކީ، ރަހުނުގެ މުޢާމަލާތުގެ ތެރެއަށް ވަންނަ ވަގުތު، އެ މުޢާމަލާތާއި، އެއިގެ ނަތީޖާ ރަހުނު ބަހައްޓާ ފަރާތަށް އެނގުމެވެ. އަދި މި މާއްދާގެ މަޤުޞަދަކީ އެއްވެސް ހާލެއްގައި މުޢާމަލާތް ކުރުމުގައި ވަކި ޢަދަދަކަށް ހެކިން ޙާޟިރުކޮށްފައި ބޭތިއްބުމެއް ނޫން ކަމުގައެވެ. އަދި ރަހުނު ބަހައްޓާ ފަރާތަށް ރަހުނުގެ މުޢާމަލާތާއި އޭގެ ނަތީޖާ ސީދާ ރަހުނު ހިފާ ފަރާތުން އޮޅުން ފިލުވައި ދިނުމެއްވެސް ނޫންކަމުގައެވެ.
މި މައްސަލައިގައި، ހައިކޯޓުން ފާހަގަ ކޮށްފައިވާ ފަދައިން ޤާނޫނުގެ މަޤުޞަދަށް ބެލުމަކީ، ޤާނޫނު މާނަ ކުރުމުގެ ހަމައެކެވެ. އެކަމަށް އަހުރެން އެއްބަސްވަމެވެ. އެހެން ނަމަވެސް، ޤާނޫނު މާނަކުރަން ފެށުމުގެ ކުރިން ބަލަންޖެހޭ އެންމެ އަސާސީ އެއްކަމަކީ، ޤާނޫނު އެކަށައެޅިފައި އޮތް ގޮތުން މާނަ ކުރުމަކަށް ބޭނުންވާކަން ނުވަތަ ނޫންކަން ދެނެގަތުމެވެ. ޤާނޫނު އެކަށައެޅިފައި އޮތް ގޮތުން ވަކި ޢިބާރާތަކުން ނުވަތަ ޖުމުލައަކުން ދެ މާނަ ދޭހަވާނަމަ، ނުވަތަ، ދޭހަވާ މާނައަކީ ދެކޮޅު ނުޖެހޭ މާނައެއްނަމަ، ނުވަތަ މި ނޫންވެސް ޤާނޫނު މާނަ ކުރަންޖެހޭ އެހެންވެސް ހާލަތެއް މެދުވެރިވެފައިވާނަމަ ޤާނޫނީ ނައްޞެއް މާނަ ކުރެވިދާނެއެވެ. މި ފަދަ ހާލަތެއް ނެތްނަމަ، ޤާނޫނު އެކަށައެޅި ފަރާތުން ޤާނޫނު އެކަށައެޅުމުގައި ގޯހެއް ހަދާފައިވާ ކަމުގައި، ނުވަތަ ޤާނޫނުގައި އައިބެއް އޮތް ކަމުގައި، ނުވަތަ ނުކިއްސަރު ކަމެއް އޮތްކަމުގައި ބަލައިގެން ނުވާނެއެވެ. މި އިފްތިރާޟު މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނުގެ 12 ވަނަ މާއްދާގެ (ޅ) ގައި ބަޔާން ވެފައިވެއެވެ. އަދި މި އުސޫލު މީޑިއާނެޓް ޕްރައިވެޓް ލިމިޓެޑް ވ. މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) މައްސަލައިގައި ސުޕްރީމް ކޯޓުން ނަގަހައްޓާފައިވެއެވެ.
މި އިޝާރާތް ކުރި އުސޫލުތައް މި މައްސަލައަށް ތަޠުބީޤު ކުރުމަށް ބަލާއިރު، ބިމާބެހޭ ޤާނޫނުގެ 36 ވަނަ މާއްދާގެ (ހ) ގެ 02 ވަނަ ނަންބަރުގެ (ށ) ގައިވާ ޢިބާރާތަކީ، އެ ޢިބާރާތުން ދެވަނަ މާނައެއް ދޭހަ ނުވާ ސާފު ޢިބާރާތެކެވެ. މިކަމުގެ މައްޗަށް ތަރުތީބުވާ ނަތީޖާއަކީ، ޢިބާރާތުގައިވާ ކަންކަމަކީ، ނުވަތަ މި މާއްދާގެ މި އަކުރުގައިވާ ކަންކަމަކީ ޤާނޫނު އެކަށައެޅި ފަރާތުން ރަހުނު ކުރުމުގެ ކުރީގައި ފުރިހަމަ ކުރުން ލާޒިމުކުރުމަށް ބޭނުންވި ކަންތައްތަކެއް ކަމުގައި ބަލަންޖެހެއެވެ.
ޢަމަލީ ގޮތުން މި މާއްދާ ތަންފީޒު ކުރެވިފައި އޮންނަ ހާލަތް ތަސައްވުރު ކުރާއިރު، ރަހުނު ކުރުމުގެ ކުރިން ރަހުނުގެ މުޢާމަލާތާއި، އެ މުޢާމަލާތުގެ ނަތީޖާ މުސްތަޤިއްލު ދެ ހެކިންގެ ހާޒިރުގައި ރަހުނު ހިފާ ފަރާތުން ރަހުނު ބަހައްޓާ ފަރާތަށް އޮޅުންފިލުވައި ދިނުމުން، އެކަމާމެދު އެއްވެސް ފަރާތަކުން އެއްވެސް މަރުޙަލާއެއްގައި ސުވާލު އުފައްދައިފި ނަމަ، މުޢާމަލާތާ ގުޅޭ ކަންކަން ރަހުނު ބަހައްޓާ ފަރާތަށް އޮޅުން ފިލުވައިދިންކަން ސާބިތުކުރުމަށް ރަހުނު ހިފާ ފަރާތާއި، ރަހުނު ބަހައްޓާ ފަރާތުގެ ދެމެދުގައި ލިޔުމުން ސޮއިކުރެވޭ އެއްބަސްވުމުގެ ބޭރުން މުސްތަޤިއްލު ދެ ހެކިން ތިބޭނެއެވެ.
މި ނުކުތާއާ ގުޅިގެން އެމް.ސީ.ބީގެ ފަރާތުން ފާހަގަ ކުރާ ގޮތަށް، ކޯޓުގައި އެއްބަސްވުމުގައި ސޮއިކޮށްފައި އޮތުމާއި، އެއްބަސްވުމުގައި މުޢާމަލާތުގެ އެންމެހައި ކަންކަން ޢަބްދުއްލަޠީފް ޢަބްދުﷲ އަށް އޮޅުން ފިލާފައިވާ ކަމުގައި އޮންނަ އޮތުމާއި، ކޯޓުގައި ދަޢުވާ ކުރުމާ ހަމައަށް ޢަބްދުއްލަޠީފް ޢަބްދުﷲގެ ފަރާތުން އެއްބަސްވުމުގައިވާ އެއްޗެއް އޮޅުން ނުފިލައިގެން ޝަކުވާއެއް ކޮށްފައި ނުވުމުން، މި އެއްބަސްވުމުގެ ނަތީޖާ ޢަބްދުއްލަޠީފް ޢަބްދުﷲ އަށް އެނގޭކަމުގައި ބަލައި، ޤާނޫނުގެ މަޤުޞަދު ހާސިލުވެފައިވާ ކަން ނުވަތަ ނޫންކަމަށް ބަލާއިރު، އެ މަޤުޞަދު ހާސިލުވެފައިވާ ކަމުގައި އަހުރެންނަށް ބުރަނުވެވެއެވެ. ސަބަބަކީ، އެ މަޤުޞަދު ހާސިލުވެފައިވާކަމުގައި ބަލާނެ ވާޤިޢާތަކެއް މި މައްސަލައިގައި ސާބިތުވެފައި ނުވެއެވެ. އަދި ބަހުސްގެ ބޭނުމަށްޓަކައި އެފަދަ ވާޤިޢާތަކެއް ސާބިތުވެފައި ހުރިކަމުގައި ބެލިނަމަވެސް، ޤާނޫނުގެ ނައްޞުގައި އެމް.ސީ.ބީގެ މައްޗަށް ލާޒިމުކޮށްފައިވާ ޒިންމާ ޤާނޫނުގައިވާ ގޮތަށް އެމް.ސީ.ބީއަށް ފުރިހަމަ ކުރެވިފައިވާކަން މައްސަލައިގެ ވާޤިޢާތަކުން ދޭހަނުވެއެވެ. އެ ޒިންމާއަކީ، މުސްތަޤިއްލު ދެ ހެކިންގެ ހާޒިރުގައި މުޢާމަލާތާއި، މުޢާމަލާތުގެ ނަތީޖާ ޢަބްދުއްލަޠީފް ޢަބްދުﷲ އަށް އޮޅުން ފިލުވައި ދިނުމެވެ. ޤާނޫނުގައި މުސްތަޤިއްލު ދެ ހެކިންގެ ވާހަކަ ބަޔާންވެފައި ނެތްނަމަ، އަހުރެން މި ރައުޔާމެދު އިތުރަށް ވިސްނާނެ ޖާގަ އޮތީހެވެ.
އަދި މީގެ އިތުރަށް ޤާނޫނުގައި ވަކި ގޮތަކަށް ބަޔާންކޮށްފައި ނުވާނަމަ، އެއްބަސްވުމެއް ކޯޓުގައި ރަޖިސްޓްރީކުރުމަކީ، އެ އެއްބަސްވުމުގެ މައުޟޫޢީ އެއްވެސް ކަމަކަށް ކޯޓުން ހެކިވެ، އެއްބަސްވުމާ ގުޅިގެން ވަކިކަމެއް ވަކި ގޮތަކަށް އޮތްކަމުގައި އިފްތިރާޟު ކުރެވިދާނެ ކަމެއް ނޫނެވެ. އެހެނީ މި ހާލަތުގައި ކޯޓަކީ އެއްބަސްވުމުގެ ބައިވެރިއެއް ނޫނެވެ.
ކަންމިހެން އޮތުމުން، ހައިކޯޓުން މި މައްސަލައިގައި ބިމާބެހޭ ޤާނޫނުގެ 36 ވަނަ މާއްދާގެ (ހ) ގެ 02 ވަނަ ނަންބަރުގެ (ށ) އިން ޙާޞިލުކުރުމަށް ޤާނޫނު ބޭނުންވި މަޤުޞަދު ޙާޞިލުވެފައިވާ ކަމުގައި ކަނޑައަޅާފައިވަނީ، ޤާނޫނީ އުސޫލުތަކާ އެއްގޮތަށް ކަމުގައި އަހުރެން ނުދެކެމެވެ.
ރަހުނާ ގުޅޭ ލޯނުގެ ފައިސާ ނުދެއްކުމުން ދަޢުވާކުރުމުގެ މުއްދަތު
މި މައްސަލައިގައި ދަޢުވާކުރުމުގެ މުއްދަތުގެ ތެރޭގައި ދަޢުވާކޮށްފައި ނުވާކަމުގައި ބުނެ ޢަބްދުއްލަޠީފް ޢަބްދުﷲ ފާހަގަ ކުރަނީ ބިމާބެހޭ ޤާނޫނުގެ 36 ވަނަ މާއްދާގެ (ނ) ގެ 02 ވަނަ ނަންބަރެވެ. ބިމާބެހޭ ޤާނޫނުގެ މި މާއްދާގެ (ނ) ރަހުނު ތަންފީޒު ކުރުމަށްޓަކައި ފުރިހަމަވުން ޤާނޫނު ލާޒިމުކުރާ ޝަރުޠުތައް ބަޔާން ކުރަމުންގޮސް އެ އަކުރުގެ 02 ވަނަ ނަންބަރުގައި އޮތީ އަންނިވި ޢިބާރާތެވެ.
"ރަހުނު ބަހައްޓާ ފަރާތާއި، ރަހުނު ހިފާ ފަރާތުން ލިޔެކިޔުމުން އެއްބަސްވެފައިވާ ޙާލަތުތައް ފިޔަވައި، ރަހުނާގުޅޭ ލޯނުގެ އެއްބަސްވުމުގެ ދަށުން ފައިސާ ދައްކަންޖެހޭ މުއްދަތު ހަމަވާ ތާރީޚުން ފެށިގެން 1 އަހަރު ދުވަހުގެ ތެރޭގައި ފައިސާ ހޯދުމަށް ދަޢުވާ ކޮށްފައިވުން."
މި ނުކުތާގައި ޝަރީޢަތުގެ ކުރިމަތީގައި އޮތް އެއް ސުވާލަކީ، ދެ ފަރާތުގެ ދެމެދުގައި ރަހުނާގުޅޭ އެއްބަސްވުމެއް ލިޔުމުން އޮންނަ ހާލަތުގައި، ޤާނޫނުގައި ދަޢުވާ ކުރުމަށް އޮތް 01 އަހަރު ދުވަހުގެ މުއްދަތު ނުހިނގާނެ ހެއްޔެވެ؟ އަނެއް ސުވާލަކީ، 01 އަހަރު ދުވަހުގެ މުއްދަތު ފާއިތުވާ ފަހުން ދަޢުވާ ކުރުމަށްޓަކައި، ލިޔުމުން އެއްބަސްވުމެއް އޮތް ނަމަވަސް، އެ އެއްބަސްވުމުގައި ޤާނޫނުގައި ދަޢުވާ ކުރުމަށް އޮތް 01 އަހަރު ދުވަހުގެ މުއްދަތަށް އިސްތިސްނާ ޙާލަތެއް ނުވަތަ ޙާލަތުތަކެއް ބަޔާންކުރަންޖެހޭ ހެއްޔެވެ؟
މި ނުކުތާގައި ހައިކޯޓުގެ ނިންމުމަކީ، ޤާނޫނުގައި، "ލިޔެކިޔުމުން އެއްބަސްވެފައިވާ ޙާލަތުތައް ފިޔަވައި" މި ފަދައިން ބަޔާންކޮށްފައި އޮތް އޮތުމުގެ މައްޗަށް ބިނާކޮށް، ދެފަރާތުގެ ދެމެދުގައި ލިޔެކިޔުމުން އެއްބަސްވުމެއް އޮންނަ ޙާލަތަކީ ޤާނޫނުގައި ދަޢުވާ ކުރުމަށް ބަޔާންވެފައިވާ 01 އަހަރު ދުވަހުގެ މުއްދަތު ތަޠުބީޤުވާނެ ޙާލަތެއް ނޫންކަމުގައެވެ. އަދި މި މައްސަލައިގައި ދެ ފަރާތުގެ ދެމެދުގައި އޮތް އެއްބަސްވުމުގައި ލޯނާ ގުޅިގެން ދައްކަންޖެހޭ ފައިސާ ދައްކާ ޚަލާޞްކުރެވެންދެން ރަހުނު ދެމިއޮންނާނެ ކަމުގައި ބަޔާންކޮށްފައި އޮތުމުން ރަހުނާ ގުޅިގެން ދަޢުވާކުރުމުގެ މުއްދަތު ފައިސާ ދައްކާ ޚަލާޞްކުރެވެންދެން ދެމި އޮންނާނެ ކަމުގައެވެ. އަދި އެއީ ބިމާބެހޭ ޤާނޫނުގެ 36 ވަނަ މާއްދާގެ (ނ) ގެ 02 ވަނަ ނަންބަރުގެ ރޫޙާ ޚިލާފު ކަމެއް ނޫން ކަމުގައެވެ.
ބިމާގުޅޭ ރަހުނު ތަންފީޒުކުރުމުގައި ފުރިހަމަ ވާންޖެހޭ ޝަރުޠުތަކެއް ބިމާބެހޭ ޤާނޫނުގައި އެންމެ ފުރަތަމަ ލިޔެވިފައިވަނީ އެ ޤާނޫނަށް ގެނެވުނު ފުރަތަމަ އިސްލާހުގައެވެ. މި އިސްލާހަށް ޢަމަލުކުރަން ފަށާފައިވަނީ 03 މެއި 2004 ގައެވެ. މި އިސްލާހުގައި ދަޢުވާކުރުމުގެ މުއްދަތު ބަޔާންކޮށް ލިޔެފައިވާ 36 ވަނަ މާއްދާގެ (ނ) ގެ 02 ވަނަ ނަންބަރަށް ބަލާއިރު، އެ އަކުރުގައި ރަހުނާ ގުޅޭ ލޯނުގެ އެއްބަސްވުމުގެ ދަށުން ފައިސާ ދައްކަންޖެހޭ މުއްދަތު ހަމަވާ ތާރީޚުން 01 އަހަރު ދުވަހުގެ ތެރޭގައި ފައިސާ ހޯދުމަށް ދަޢުވާކުރުމަކީ، ރަހުނު ތަންފީޒުވުމުގައި ފުރިހަމަވާންޖެހޭ ޝަރުޠެއް ކަމުގައި ބަޔާންކޮށްފައިވެއެވެ. އަދި އެ 01 (އެކެއް) އަހަރު ދުވަހުގެ މުއްދަތަށް، އިސްތިސްނާ ހާލަތެއް ބަޔާންކުރުމަށްޓަކައި އެ އަކުރުގައި ލިޔެފައިވަނީ، "ރަހުނު ބަހައްޓާ ފަރާތާއި، ރަހުނު ހިފާ ފަރާތުން ލިޔެކިޔުމުން އެއްބަސްވެފައިވާ ޙާލަތުތައް ފިޔަވައި" މި ފަދައިންނެވެ.
ޤާނޫނުގެ ނައްޞަށް ބަލާއިރު، "ލިޔެކިޔުމުން އެއްބަސްވެފައިވާ ޙާލަތު ފިޔަވައި" މި ފަދައިން ބަޔާންކުރުމުގެ ބަދަލުގައި ޤާނޫނުގައި ލިޔެފައިވަނީ "ލިޔެކިޔުމުން އެއްބަސްވެފައިވާ ޙާލަތުތައް ފިޔަވައި" މި ފަދައިންނެވެ. މި ޢިބާރާތުން ދޭހަވާ މާނައަކީ، އެއްބަސްވުމުގައި 01 އަހަރު ދުވަހުގެ މުއްދަތަށްވުރެ ފަހުން ދަޢުވާކުރާނަމަ، އެ ގޮތަށް ދަޢުވާކުރެވޭނެ ޙާލަތެއް ނުވަތަ ޙާލަތުތަކެއް އެއްބަސްވުމުގައި ލިޔެވިފައި އޮންނަން ޖެހޭނެކަމެވެ. ހަމައެކަނި އެއްބަސްވުމެއް އޮތުމަކުން ނުފުދޭކަމެވެ. މި ގޮތަށް އަހުރެންނަށް ބުރަވެވޭ ސަބަބުތައް ތިރީގައި މިވަނީއެވެ.
އެއްބަސްވުން އޮތުން ޤާނޫނު ތަސައްވުރު ކުރާ ގޮތް
ފުރަތަމަ ސަބަބަކީ، ރަހުނާގުޅޭ އެއްބަސްވުންތައް ލިޔުމުން ނޫން ގޮތަކަށް އޮތުމަކީ ބިމާބެހޭ ޤާނޫނާއި، އެ ޤާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދުތައް ތަސައްވުރު ކުރާކަމެއް ނޫނެވެ. މިކަމަށް ބިމާބެހޭ ޤާނޫނުގެ 36 ވަނަ މާއްދާގެ (ރ) އިން ބާރުލިބެއެވެ. އެ އަކުރަށް ބަލާއިރު، ރަހުނު ތަންފީޒުކުރުމުގެ އިޖުރާއަތުގެ ތެރޭގައި ބިމެއް ނުވަތަ ބިމެއްގައި ހުރި އިމާރާތެއް އެއްފަހަރާ އެއް ރަހުނަށްވުރެ ގިނަ ރަހުނުކޮށްފައިވާ ހާލަތުގައި ރަހުނު ތަންފީޒުކުރުމުގެ ތަރުތީބު ކަނޑައެޅުމުގައި ރަހުނު ރަޖިސްޓްރީ ކުރި ތަރުތީބުންކަން ފާހަގަކޮށް، ބިމާބެހޭ ޤާނޫނަށް ގެނެވުނު ފުރަތަމަ އިސްލާހަށް ޢަމަލުކުރަން ފެށުމުގެ ކުރިން ކޮށްފައިވާ ރަހުނުތައް ތަންފީޒުކުރުމުގައި އިސްކަންދިނުމުގައި ބަލާނީ ރަހުނުކުރެވުނު އެގްރިމެންޓްގައިވާ ތާރީޚަށް ކަމުގައި ބަޔާންކޮށްފައިވެއެވެ.
ބިމާބެހޭ ޤާނޫނުން ބާރު ލިބިގެން އެކުލަވާލެވިފައިވާ "ބިމާއި އިމާރާތް އަދި ފްލެޓް ރަހުނުކުރުމާބެހޭ ޤަވާޢިދު" ގައިވާ މާއްދާތަކަށް ބަލާއިރު ރަހުނު ރަޖިސްޓްރީކުރުމަށް ހުށަހަޅާއިރު، ރަހުނުކުރުމުގެ އެއްބަސްވުމުގެ އަސްލު މާލޭގައި ނަމަ، މާލޭ މުނިސިޕަލްޓީއަށް، އަދި ރާއްޖެތެރޭގައި ނަމަ، އެ އަތޮޅެއްގެ އަތޮޅު އޮފީހަށް ހުށަހަޅަންޖެހެއެވެ.
މިކަންކަން މިހެން ހުރުމުން، ބިމާބެހޭ ޤާނޫނަށް ގެނެވުނު ފުރަތަމަ އިސްލާހުގެ ކުރިންނާއި، އެ އިސްލާހުގެ ފަހުންވެސް ރަހުނު އެއްބަސްވުމަކީ ލިޔުމުން އޮންނަ، ނުވަތަ ލިޔުމުން އޮންނަންޖެހޭ އެއްބަސްވުމެއްކަން ޤާނޫނު ތަސައްވުރުކުރާ އެއްޗެއްކަން ސާފުކޮށް އެނގެއެވެ. ވުމާއެކު، ހައިކޯޓުން މި ނުކުތާގައި ނިންމާފައިވާ ފަދައިން، ބިމާބެހޭ ޤާނޫނުގެ 36 ވަނަ މާއްދާގެ (ނ) ގެ 02 ވަނަ ނަންބަރުގައިވާ ދަޢުވާކުރުމުގެ މުއްދަތު ހިނގާނީ، ހަމައެކަނި ދެ ފަރާތުގެ ދެމެދުގައި ލިޔުމުން އެއްބަސްވުމެއް އޮންނަ ހާލަތުގައި ކަމަށް ބެލުމަކީ، ޤާނޫނީ ގޮތުން ދެކޮޅު ޖެހޭނެ ނަތީޖާއެއް ނުކުންނާނެ ކަމެއް ނޫނެވެ. އެހެނީ، ރަހުނާ ގުޅޭ އެއްބަސްވުންތައް ލިޔުމުން އޮތުން ޤާނޫނު ތަޞައްވުރު ކުރާއިރު، އެ ނޫން ގޮތަކަށް އެފަދަ އެއްބަސްވުމެއް ވުޖޫދަކަށް ނާންނާނެއެވެ.
ދަޢުވާކުރުމުގެ މުއްދަތު ކަނޑައެޅުމުގެ ބޭނުން
ދެވަނަ ސަބަބަކީ، ރަހުނާގުޅޭ އެއްބަސްވުންތަކުގައި ދަޢުވާކުރުމަށް ވަކި މުއްދަތެއް ކަނޑައަޅައި އެއްބަސްވުމުގެ ބައިވެރިން ވަކި ގޮތަކަށް ލިޔުމުން އެއްބަސްވެފައި ނުވާ ހުރިހާ ޙާލަތްތަކުގައި، އާންމު އުސޫލުން ރަހުނާގުޅޭ ލޯނަށް ފައިސާ ނުދައްކައިގެން ދަޢުވާކުރާ މައްސަލަތަކުގައި ދަޢުވާކުރުމަށް01 އަހަރު ދުވަހުގެ މުއްދަތު ކަނޑައެޅުމަކީ ޤާނޫނު އެކަށައެޅި ފަރާތުން ވަކި މަޤުޞަދެއް ހާސިލު ކުރުމަށް ކަނޑައަޅާފައިވާ ކަނޑައެޅުމެއް ކަމުގައި ބެލެވެއެވެ.
މިކަމަށް ޤާނޫނުގެ 36 ވަނަ މާއްދާގެ (ނ) ގެ 02 ވަނަ ނަންބަރެކޭ އެއްފަދައިން، 03 ވަނަ ނަންބަރުގައިވެސް ދަޢުވާކުރުމަށްޓަކައި 01 އަހަރު ދުވަހުގެ މުއްދަތެއް ބަޔާންކޮށްފައި އޮންނަ އޮތުމުން ބާރު ލިބެއެވެ. އެ އަކުރުގައި މުއްދަތު ބަޔާންކޮށްފައިވަނީ، ބިމާބެހޭ ޤާނޫނަށް ގެނެވުނު ފުރަތަމަ އިސްލާހަށް ޢަމަލުކުރަން ފެށުމުގެ ކުރިން ފައިސާ ދެއްކުމުގެ މުއްދަތު ހަމަވެފައިވާ މައްސަލަތަކުގައި ދަޢުވާކުރުމަށެވެ. މިފަދަ މައްސަލަތަކުގައި ދަޢުވާކުރުމަށް، ޤާނޫނަށް ގެނެވުނު އިސްލާހަށް ޢަމަލު ކުރަންފަށާ ތާރީޚުން ފެށިގެން 01 އަހަރު ދުވަހުގެ މުއްދަތު ދިނުމަށް ފަހު، މި މުއްދަތަށް އިސްތިސްނާ ޙާލަތެއް ބަޔާންކުރުމަށްޓަކައި ލިޔެވިފައިވަނީ "ލިޔެކިޔުމުން އެއްބަސްވެފައިވާ ޙާލަތުތައް ފިޔަވައި" މި ޢިބާރާތެވެ. މިކަމުން ދޭހަވަނީ، ޤާނޫނު އެކަށައެޅި ފަރާތުން ހާސިލުކުރުމަށް ބޭނުންވި ނަތީޖާއަކީ، މި އިސްލާހަށް ޢަމަލުކުރަން ފަށާ ތާރީޚުން ފެށިގެން 01 އަހަރު ދުވަސް ހަމަވާއިރު، ދެ ފަރާތުގެ ދެމެދުގައި ލިޔުމުން ވަކި ގޮތަކަށް އެއްބަސްވެވިފައި ނުވާނަމަ، މި އިސްލާހުގެ ކުރިން ރަހުނާގުޅޭ ލޯނުތަކުގައި ފައިސާ ދެއްކުމުގެ މުއްދަތު ހަމަވެ، ފައިސާ ނުދައްކާ މައްސަލަތަކުގައި ދަޢުވާކޮށް، ރަހުނުތަކާމެދު ޝަރުޢީ މަރުޙަލާއިން ގޮތްތަކެއް ނިމިފައި ވުމެވެ. މިއީ "އެއް ރޮއްޖަކުން ވިޔެފައިވާ އެކަތިކަނޑެއްގެ ގޮތުގައި" މި ޤާނޫނު ކިޔުމުން ދޭހަވާ ސާފު ދޭހައެކެވެ.
މި ދެންނެވި ކަންކަމުގެ އަލީގައި، ބިމާބެހޭ ޤާނޫނުގެ 36 ވަނަ މާއްދާގެ (ނ) ގެ 02 ވަނަ ނަންބަރުގައިވާ ދަޢުވާކުރުމުގެ މުއްދަތަށް އިސްތިސްނާއެއް ގެނެވޭނީ، އެ އިސްތިސްނާ ޙާލަތްތައް ދެ ފަރާތުގެ ދެމެދުގައި ލިޔުމުން ވެވޭ އެއްބަސްވުމުގައި ބަޔާންކޮށްގެންކަން ސާފުކޮށް އެނގެއެވެ. އަދި ހަމައެކަނި ލިޔުމުން އެއްބަސްވުމެއް އޮތުމުން އެ އިސްތިސްނާ ލިބޭނެ ކަމުގައި ބެލުމަކީ، ކުރިން އިޝާރާތްކުރި ފަދައިން ޤާނޫނީ ގޮތުން ދެކޮޅު ޖެހޭނެ ނަތީޖާއެއް ނުކުންނާނެ ކަމެއް ނޫނެވެ.
ރަހުނާގުޅޭ ޙައްޤުތަކާއެކު ދަޢުވާކުރުމުގެ ޙައްޤު ދިގު ދެމިގެން ދިއުމާމެދު
ދަޢުވާކުރުމުގެ މުއްދަތާމެދު ޢަބްދުއްލަޠީފް ޢަބްދުﷲގެ ފަރާތުން ހުށަހެޅި ނުކުތާއަށް ރައްދުދެމުން، އެމް.ސީ.ބީގެ ފަރާތުން ފާހަގަކުރި އެއްކަމަކީ، ދެ ފަރާތުގެ ދެމެދުގައިވާ އެއްބަސްވުމުގެ 3.2 ވަނަ މާއްދާގައި ލޯނުގެ ފައިސާ ދައްކާ ޚަލާޞްކޮށް ނިމެންދެން ރަހުނާގުޅިގެން އުފެދޭ ޙައްޤުތައް ދެމިއޮންނާނެ ކަމުގައި ބަޔާންވެފައި އޮތުމުން، ދަޢުވާކުރުމުގެ މުއްދަތުވެސް ލޯނުގެ ފައިސާ ދައްކާ ޚަލާޞްކުރެވެންދެން ދެމި އޮންނާނެ ކަމުގައެވެ. އެހެނީ ފައިސާ ހޯދުމަށް ދަޢުވާކުރުމަކީ ވެސް، ރަހުނާ ގުޅިފައިވާ ޙައްޤެއް ކަމުގައެވެ. އަދި މިކަން ހައިކޯޓުގެ ނިންމުމުގައި ވެސް ބަޔާންކޮށްފައިވާ ކަމަށެވެ.
ބަހުސްގެ ބޭނުމަށްޓަކައި ފައިސާ ހޯދުމަށް ދަޢުވާކުރުމަކީ، ރަހުނާ ގުޅިފައިވާ ޙައްޤެއް ކަމުގައި ޢާންމު އުސޫލުން ބަލަމާ ހިނގާށެވެ. އެހެން ނަމަވެސް، ދަޢުވާކުރުމުގެ މުއްދަތު ޤާނޫނުގައި ބަޔާންވެފައިވުމުން، ރަހުނާ ގުޅިގެން އުފެދޭ ޙައްޤުތަކުގެ ތެރެއިން ދަޢުވާކުރުމުގެ މުއްދަތު އިސްތިސްނާވާނެ ކަމުގައި ދެކެމެވެ. އެހެނީ، ޤާނޫނުގައި ވަކިކަމަކާ ގުޅޭ އުސޫލުތަކެއް އެކަށައެޅުމުން، އެކަންކަމުގެ މައްޗަށް އެހެން އިފްތިރާޟުތަކަށް ބާރު ލިބިގެން ދާނެ ކަމުގައި އަހުރެން ނުދެކެމެވެ.
އެއްބަސްވުމުގައި ހިމެނުން ޤާނޫނު ލާޒިމުކުރާ ކަންކަން ހިމެނުން
"ޤާނޫނު އެހެން ގޮތަކަށް ކަނޑަނާޅާނަމަ، ކޮންޓްރެކްޓަކީ ވަކި މިވެނި ގޮތަކަށް އޮތުން ލާޒިމު އެއްޗެއް ނޫނެވެ." މިއީ ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 04 ވަނަ މާއްދާގައި ކޮންޓްރެކްޓް އޮންނަންވީ ގޮތާމެދު ބަޔާންވެފައިވާ އުސޫލެވެ. މިއީ، މި މައްސަލައިގައި އަހުރެން ބަހުސް މިކުރި ހުރިހާ ޤާނޫނީ އުސޫލުތަކެއްގެ ނަތީޖާއަށް ވާސިލުވުމުގައި އެ އުސޫލަކާ ދުރަށް ނުދެވޭނެ އުސޫލެކެވެ.
މި އުސޫލު މި މައްސަލައާ ގުޅިގެން އަންނައިރު ސާފުވާންޖެހޭ ކަމަކީ، އެއްބަސްވުމަކާ ގުޅިގެން ވަކި ކަންތައްތަކެއް ފުރިހަމަވެފައިވުން ޤާނޫނު ލާޒިމުކުރާ ޙާލަތުގައި، އެ ކަންކަން ފުރިހަމަ ނުކުރެވުމުގެ ނަތީޖާއަކީ ކޮބައިބާވައެވެ؟ ބިމާބެހޭ ޤާނޫނުގެ 36 ވަނަ މާއްދާގެ (ހ) ގެ 02 ވަނަ ނަންބަރުގެ (ށ) ގައި ބަޔާންކޮށްފައިވާ ފަދައިން، ރަހުނުކުރުމުގެ ކުރީގައި، ރަހުނުގެ މުޢާމަލާތާއި، މުޢާމަލާތު ކުރުމުގެ ނަތީޖާ، މުސްތަޤިއްލު ދެ ހެކިންގެ ހާޒިރުގައި، ރަހުނު ބަހައްޓާ ފަރާތަށް ރަހުނު ހިފާފަރާތުން އޮޅުންފިލުވައިދީފައި ނުވާނަމަ، އެ އެއްބަސްވުމަށް ދެންވާނީ ކިހިނެއް ހެއްޔެވެ؟
މި މައުޟޫޢުގައި ސުޕްރީމް ކޯޓުގެ އިބްރާހީމް ޚަލީލް ވ. ދައުލަތް (މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިފްރާސްޓްރަކްޗަރ) މައްސަލައިގައި އުއްތަމަ ފަނޑިޔާރު، އަޙްމަދު މުޢުތަޞިމް ޢަދުނާން ކޮންޓްރެކްޓެއްގައި ފުރިހަމަވާންޖެހޭ ކަންކަމާމެދު ބަހުސްކުރައްވަމުން ފާހަގަ ކުރައްވާފައިވަނީ އަންނަނިވި ޢިބާރާތެވެ.
"...އެ ކޮންޓްރެކްޓަކީ ވަކި ޚާއްޞަގޮތަކަށް ނުވަތަ ވަކި ޚާއްޞަ މަޢުލޫމާތުތަކެއް ހިމަނަންޖެހޭ ކަމަށް ޤާނޫނު ލާޒިމް ކުރާ ޒާތުގެ ކޮންޓްރެކްޓެއްތޯ ވެސް ބަލަންޖެހެއެވެ. ވަކި ޚާއްޞަގޮތަކަށް އޮތުން ނުވަތަ ވަކި ޚާއްޞަ މަޢުލޫމާތުތަކެއް ހިމަނަންޖެހޭނެ ކަމަށް ޤާނޫނު ލާޒިމް ކުރާ އެއްބަސްވުމެއް ޞައްޙަވާނީ އެ ގޮތަކަށް އޮތުމުން ނުވަތަ އެ މަޢުލޫމާތު ހިމެނިފައިވާނަމައެވެ."
މި އުސޫލު މި މައްސަލައަށް ތަޠުބީޤު ކުރުމަށް ބަލާއިރު، ރަހުނުކުރުމުގެ ކުރީގައި ޤާނޫނު ލާޒިމު ކުރާ ކަންކަން ފުރިހަމަ ނުކުރުމުގެ ނަތީޖާއަކީ، އެ ރަހުނުކުރުން ޞައްޙަ ނުވުމެވެ. އެ އެއްބަސްވުން ޞައްޙަ ނުވުމެވެ. ބަހުސްގެ ބޭނުމަށްޓަކައި، ޤާނޫނުގައިވާ ޢިބާރާތުން ދޭހަވަނީ ރަހުނުކުރުމުގެ ކުރީގައި، ނުވަތަ ރަހުނު އެއްބަސްވުމުގެ ކުރީގައި ފުރިހަމަވުން ލާޒިމު ކަމެއް ކަމުގައި ބެލި ނަމަވެސް، އެ ކަންކަން އެ މަރުހަލާގައި ފުރިހަމަ ނުވުމުން އެއިގެ އަސަރުކުރަނީ އެއްބަސްވުމުގެ އެންމެ އަސާސީ އެއް އުންޞުރު ކަމުގައިވާ، އެއްބަސްވުމުގެ ބައިވެރިން، އެއްވެސް މަޖުބޫރު ކަމެއްނެތި ކޮންޓްރެކްޓްގައިވާ ކަންކަމަށް ރުހި ޤަބޫލުވުމުގެ މައްޗަށެވެ.
ކަންމިހެން އޮތުމުން މި މައްސަލައިގައި އެމް.ސީ.ބީ އާއި ޢަބްދުއްލަޠީފް ޢަބްދުﷲ އާ ދެމެދު ސޮއިކުރެވިފައިވާ ރަހުނު އެއްބަސްވުމަކީ ޤާނޫނީ ގޮތުން ޞައްޙަ އެއްބަސްވުމެއް ކަމުގައި ނުދެކެމެވެ.
މައްސަލަ ނިންމަން ފެންނަ ގޮތް
މަތީގައި މި ތަފުސީލު ކުރި ކަންކަމުގެ އަލީގައި ހައިކޯޓުގެ ނަންބަރު 2018/HC-A/60 ޤަޟިއްޔާގައި، ކަން ހިނގާފައިވާ ގޮތުގެ މައްޗަށް ރިޢާޔަތްކޮށް އެ މައްސަލައިގައި ބިމާބެހޭ ޤާނޫނުގެ 36 ވަނަ މާއްދާގެ (ހ) ގެ 02 ވަނަ ނަންބަރުގެ (ށ) އިން ހާސިލުކުރުމަށް ޤާނޫނުގައި ބުނެފައިވާ މަޤްޞަދު ހާސިލުވެފައިވާ ކަމުގައި ހައިކޯޓުން ނިންމާފައިވާ ނިންމުމަކީ ޤާނޫނީ އުސޫލުތަކާ އެއްގޮތަށް ނިންމާފައިވާ ނިންމުމެއް ކަމުގައި ނުވާތީ، އެ ނިންމުން ބާޠިލު ކުރުމަށް ފެނެއެވެ.
އަދި މި މައްސަލައިގައި ބިމާބެހޭ ޤާނޫނުގެ 36 ވަނަ މާއްދާގެ (ނ) ގެ 02 ވަނަ ނަންބަރުގައި ބަޔާންވެފައިވާ ދަޢުވާކުރުމުގެ މުއްދަތު ތަޠުބީޤުވާނީ ލިޔުމުން އެއްބަސްވެފައިވާ ޙާލަތުތައް ފިޔަވައި އެހެން ޙާލަތްތަކުގައި ކަމަށް ނިންމާފައިވާ ނިންމުމަކީ ޤާނޫނީ އުސޫލުތަކާ އެއްގޮތަށް ނިންމާފައިވާ ނިންމުމެއް ކަމުގައި ނުވާތީ، އެ ނިންމުން ބާޠިލުކުރުމަށް ފެނެއެވެ.
ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔު (ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިން ތާއީދު ކުރައްވާފައި
ފަނޑިޔާރު މަޙާޒް ޢަލީ ޒާހިރު ފާހަގަކުރައްވާފައިވާ ފަދައިން، މި މައްސަލައިގައި ސުޕްރީމް ކޯޓުން ޖަވާބު ދޭންޖެހޭ އޮތީ މައިގަނޑު ދެ ސުވާލެވެ. އެއީ:
(ހ)
ބިމާބެހޭ ޤާނޫނުގެ 36 ވަނަ މާއްދާގެ (ހ) ގެ 02 ވަނަ ނަންބަރުގެ (ށ)
ގައި ބަޔާންކުރާ ފަދައިން ރަހުނުކުރުމުގެ ކުރީގައި، ރަހުނުގެ މުޢާމަލާތާއި، އެ މުޢާމަލާތުގެ ނަތީޖާއާ ގުޅޭގޮތުން، މުސްތަޤިއްލު ދެ ހެކިންގެ ހާޒިރުގައި ރަހުނު ބަހައްޓާ ފަރާތަށް ރަހުނު ހިފާފަރާތުން މައުލޫމާތު ދީފައި ނުވާނަމަ، އެ ފަދަ މުޢާމަލާތަކީ ބާތިލު މުޢާމަލާތެއްކަން ނުވަތަ ނޫންކަމުގެ މައްޗަށް އޮތް ސުވާލާއި؛
(ށ) ރަހުނުކުރުމާ ގުޅޭގޮތުން ދެ ފަރާތުގެ މެދުގައި ވެފައިވާ އެއްބަސްވުމުގެ 3.2 ވަނަ މާއްދާގައި ވަކި މުއްދަތަކަށް ރަހުނުގެ މައްޗަށް ބެންކަށް ޙައްޤުތަކެއް ލިބިގެންވާ ކަމުގައި ބަޔާންކޮށްފައި އޮތުމުގެ މައްޗަށް ބިނާކޮށް، ބިމާބެހޭ ޤާނޫނުގެ 36 ވަނަ މާއްދާގެ (ނ) ގެ 02 ވަނަ ނަންބަރުގައި ދަޢުވާކުރުމަށް ކަނޑައަޅާފައި އޮތް 01 އަހަރުގެ މުއްދަތުގެ ފަހުން ދަޢުވާކުރުމަކީ ކުރެވިދާނެ ކަމެއްކަން ނުވަތަ ނޫންކަމުގެ މައްޗަށް އޮތް ސުވާލު؛
ކަމުގައިވާތީ، މި ދެ ސުވާލާ ގުޅޭ ކަންކަމުގައި އަހުރެން ދެކޭ ގޮތް ވަކިވަކިން ބަޔާންކުރާނަމެވެ.
ބިމާބެހޭ ޤާނޫނުގެ 36 ވަނަ މާއްދާގެ (ހ) ގެ 02 ވަނަ ނަންބަރުގެ (ށ)
ޤާނޫނު ބުނާގޮތުންނަމަ، އެއްވެސް ގޯއްޗެއް ނުވަތަ ބިމެއް، އެ ގޯއްޗެއް ނުވަތަ ބިމެއް ރަޖިސްޓަރީ ކޮށްފައިވާ ފަރާތުން ނުވަތަ ފަރާތްތަކަކުން، ރަހުނުކުރެވޭނީ ރަހުނުކުރުމުގެ ކުރީގައި، ރަހުނުގެ މުޢާމަލާތާއި، މުޢާމަލާތު ކުރުމުގެ ނަތީޖާ، މުސްތަޤިއްލު ދެ ހެކިންގެ ހާޒިރުގައި، ރަހުނު ބަހައްޓާ ފަރާތަށް ރަހުނު ހިފާފަރާތުން އޮޅުންފިލުވައި ދިނުމަށް ފަހުގައެވެ. ޤާނޫނު މާނަކުރުމުގެ ހަމަތަކަށް ބަލައި، މި ނުކުތާގައި ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރު ފާހަގަކުރައްވާފައިވާ ނުކުތާތަކަށް އަހުރެން އެއްބަސްވާހިނދު، ބިމާބެހޭ ޤާނޫނުގެ 36 ވަނަ މާއްދާގެ (ހ) ގެ 02 ވަނަ ނަންބަރުގެ (ށ) ގައި މި ފަދައިން ބަޔާންކޮށްފައިވާ ނަމަވެސް، އެ އަކުރުގައި ބުނާ އިޖުރާއަތު ފުރިހަމަކުރުމަކާ ނުލައި އެހެނީ، ރަހުނުގެ މުޢާމަލާތާއި އެ މުޢާމަލާތުގެ ނަތީޖާއާ ބެހޭގޮތުން ރަހުނުކުރުމުގެ ކުރީގައި ރަހުނު ހިފާފަރާތުން މުސްތަޤިއްލު ދެ ހެކިންގެ ހާޒިރުގައި ރަހުނު ބަހައްޓާ ފަރާތަށް އޮޅުން ފިލުވާ ދިނުމަކާއި ނުލައި - ރަހުނު ހިފާފަރާތުން ލޯނު ދޫކޮށް، ރަހުނު ހިފާފަރާތާއި ރަހުނު ބަހައްޓާ ފަރާތުން ރަހުނު އެއްބަސްވުމެއްގައި ސޮއިކުރުމުގެ ނަތީޖާއަކީ ކޮބައިހެއްޔެވެ؟ އެ ޙާލަތުގައި އެއީ ރަހުނަކަށް ނުވާނީ ހެއްޔެވެ؟ ނުވަތަ އެއީ ކުރެވުނު މުޢާމަލާތެއް ކަމުގައި ނުބަލާނީ ހެއްޔެވެ؟
މި ސުވާލުތައް ކުރިމަތި ކުރަން މި ޖެހެނީ، ބިމާބެހޭ ޤާނޫނުގެ 36 ވަނަ މާއްދާގެ (ހ) ގެ 02 ވަނަ ނަންބަރުގައި ބަޔާންކުރާ ކަންކަމަކީ ރަހުނުކުރުމުގެ ކުރިން ބަލަންޖެހޭ ނުވަތަ ކުރަންޖެހޭ ކަންތައްތަކެއް ކަމުގައިވެފައި، މި މައްސަލައަށް ބަލާއިރު، އެއިގެ ތެރެއިން އެ މާއްދާގެ 02 ވަނަ ނަންބަރުގެ (ށ) ގައި ބަޔާންކޮށްފައިވާ ފަދައިން ރަހުނުކުރުމުގެ ކުރިން މުސްތަޤިއްލު ދެ ހެކިންގެ ހާޒިރުގައި، އެ ރަހުނުގެ މުޢާމަލާތާއި އެ މުޢާމަލާތުގެ ނަތީޖާއާ ގުޅޭ ކަންކަން އެމް.ސީ.ބީ ގެ ފަރާތުން ޢަބްދުއްލަޠީފް ޢަބްދުﷲ އަށް ބުނެދީފައި ނުވާކަމަށް ޢަބްދުއްލަޠީފް ޢަބްދުﷲ ބަޔާންކުރާ ހިނދު، އަދި އެގޮތުގައި އެ މައުލޫމާތު ދީފައިނުވާކަމަށް ހުދު އެމް.ސީ.ބީ ގެ ބަހުންވެސް އެނގެން އޮތްއިރު، ޢަބްދުއްލަޠީފް ޢަބްދުﷲ އާއި އެމް.ސީ.ބީ ގެ ފަރާތުން ރަހުނު އެއްބަސްވުމުގައި ސޮއިކޮށް، އެ އެއްބަސްވުން ސިވިލް ކޯޓުގައި ރަޖިސްޓަރީ ކޮށްފައިވުމުގެ އިތުރުން، އެ ރަހުނު އެއްބަސްވުމުގެ މައްޗަށާއި، އަމިއްލަ ހައިސިއްޔަތުން ލޯނަށް ގެރެންޓީދިން ފަރާތްތަކުން ފޯރުކޮށްދީފައިވާ ޔަގީންކަމުގެ މައްޗަށް ބިނާކޮށް އެމް.ސީ.ބީ ގެ ފަރާތުން ލޯނެއް ދޫކޮށްފައިވާތީއެވެ.
އާންމު އުސޫލުން ބަލާނަމަ، ޤާނޫނުގައި އެފަދައިން ބަޔާންކުރާތީ، ރަހުނުކުރުމުގެ މުއާމަލާތެއް ކުރުމުގެ ކުރިން ރަހުނުގެ މުޢާމަލާތާއި، އެ މުޢާމަލާތުގެ ނަތީޖާއާ ގުޅޭގޮތުން، މުސްތަޤިއްލު ދެ ހެކިންގެ ހާޒިރުގައި ރަހުނު ބަހައްޓާ ފަރާތަށް ރަހުނު ހިފާފަރާތުން މައުލޫމާތު ދޭންޖެހޭނެ ކަމުގައި އަހުރެންވެސް ގަބޫލުކުރާ ހިނދު، ރަހުނު އެއްބަސްވުމެއްވެ، އެ އެއްބަސްވުމަށް ބަރޯސާވެ ލޯނު ފައިސާދޫކޮށް އަހަރުތަކެއް ހިނގާދާފަހުން، އެއްބަސްވެފައިވާ ފަދައިން ލޯނު ފައިސާ ދައްކަމުން ނުދާތީ، ފައިސާ އަނބުރާ ހޯދުމަށް ދަޢުވާކުރުމުން، ޤާނޫނުގައި ބަޔާންކޮށްފައިވާ އިޖުރާއަތެއް ފުރިހަމަކޮށްފައި ނުވާކަމަށް ބުނުމުން، އެކަން ސާބިތުވާތީ، ރަހުނު އެއްބަސްވުން ތަންފީޒު ނުކުރެވޭނެކަމަށް ކަނޑައެޅިދާނެކަމާމެދު އަހުރެން ސުވާލު އުފައްދަމެވެ.
އެހެނީ، ބުނެވުނު ސަބަބަށްޓަކައި ރަހުނު އެއްބަސްވުން ތަންފީޒު ނުކުރެވޭނީ، އެއްބަސްވުމަކީ އުފެދުމުގައިވެސް ބާތިލު އެއްބަސްވުމެއް (void contract) ކަމުގައި، ނުވަތަ ބާތިލުކުރެވިދާފަދަ އެއްބަސްވުމެއް (voidable contract) އެއްކަމުގައިވާނަމަ ކަމުގައި އަހުރެން ދެކެމެވެ.
އެއްބަސްވުމަކީ އުފެދުމުގައި ބާތިލު އެއްބަސްވުމެއް (void contract) ކަން ނުވަތަ ނޫންކަމުގެ މައްޗަށް ބަލާއިރު، އުފެދުމުގައި ބާތިލު އެއްބަސްވުމަކީ ޣައިރު ޤާނޫނީ އެއްބަސްވުންތަކާއި، އެކި ސަބަބުތަކާހުރެ އެ އެއްބަސްވުމެއް ތަންފީޒު ނުކުރެވޭނެ އެއްބަސްވުންތަކެވެ.
ދިވެހިރާއްޖޭގައި އަމަލުކުރަމުންދާ ކޮންޓްރެކްޓާބެހޭ ޤާނޫނުން ސާފުކޮށް އެނގެން އޮތް ގޮތުގައި، ޣައިރު ޤާނޫނީ ކޮންޓްރެކްޓަކީ ބާޠިލު އެއްޗެކެވެ. އެގޮތުން، އެ ޤާނޫނުގައި، އެފަދަ ކޮންޓްރެކްޓެއް ކުރުމަކީ ޤާނޫނު މަނާކުރާ ކަމަކަށްވާނަމަ، ނުވަތަ ޢައިރު ޤާނޫނީ ނުވަތަ ބަދު އަޚްލާޤީ މަޤްޞަދަކަށްޓަކައި ކޮންޓްރެކްޓެއް ކުރާނަމަ، އެ ކޮންޓްރެކްޓަކީ ޣައިރު ޤާނޫނީ އެއްޗެކެވެ. އެހެން ކަމުން، ޣައިރު ޤާނޫނީ ކޮންމެ އެއްބަސްވުމަކީ ބާތިލު އެއްބަސްވުމެކެވެ. އެހެންނަމަވެސް، ކޮންމެ ބާތިލު އެއްބަސްވުމަކީ ޣައިރު ޤާނޫނީ އެއްބަސްވުމެއް ނޫނެވެ.
ޣައިރު ޤާނޫނީ އެއްބަސްވުމެއް ކަމުގައި ނުހިމެނޭ ބާތިލު އެއްބަސްވުމަކަށް ވެދާނީ ކޮން ކަހަލަ އެއްބަސްވުމެއް ކަމުގެ މައްޗަށް ބަލާއިރު، އާންމު އުސޫލުން ބަލާނަމަ، ތަންފީޒުކުރެވޭ އެއްބަސްވުމެއް ވުޖޫދުވުމަށްޓަކައި ފުރިހަމަވާންޖެހޭ އެއްބަސްވުމުގެ އުންސުރުތައް (elements of a contract) ފުރިހަމަވެފައި ނުވާނަމަ، ނުވަތަ އެއްބަސްވުމުގެ އެއް ބައިވެރިއަކީ ސިކުނޑީގައި ހުރި އުނިކަމެއްގެ ސަބަބުން ނުވަތަ އުމުރުގެ ގޮތުން (capacity to contract) އެއްބަސްވުމެއްގައި ބައިވެރިވެވޭނެ މީހެއް ކަމުގައި ނުވާނަމަ، އެ އެއްބަސްވުމަކީ ބާތިލު އެއްބަސްވުމެއް ކަމުގައި ބެލެވެއެވެ.
އިސްވެ ދެންނެވުނު ބާވަތުގެ (ބާތިލު) އެއްބަސްވުމާ ހިލާފަށް، ބާތިލުކުރެވިދާފަދަ އެއްބަސްވުމެއް (voidable contract) އަކީ އެއްބަސްވުމުގެ ބައިވެރިން ކުރެ މީހަކު، ވަކި ހާލަތެއް ވުޖޫދުގައި އޮވެގެން، އެ އެއްބަސްވުން އެއްފަރާތްކުރުމާ ހަމައަށް، ޤާނޫނީގޮތުން ބުރަދަންދެވޭ އަދި އެ އެއްބަސްވުމެއް ތަންފީޒުކުރެވޭ ބާވަތުގެ އެއްބަސްވުމެވެ. އެއްބަސްވުމަކީ ބާތިލުކުރެވިދާފަދަ އެއްބަސްވުމަކަށް ވަނީ އެއްބަސްވުން ވީއިރު ވަކި ހާލަތެއް ވުޖޫދުގައި އޮތްކަން އެއްބަސްވުމުގެ ބައިވެރިއަކަށް އެނގުމަކާ ނުލައި، އެއްބަސްވުން ވެފައިވާ ހާލަތްތަކުގައެވެ. މިފަދަ އެއްބަސްވުންތަކުގައި، އެއްބަސްވުމުން ބަނދެވުމަށް ފަހު އައު މައުލޫމާތު ލިބުމުން، އެއްބަސްވުން އެއްފަރާތްކުރުމުގެ ފުރުސަތު އެއްބަސްވުމުގެ ބައިވެރިންނަށް ލިބެއެވެ. މިސާލަކަށް، ކުށެއް ހެދިފައިވުން (mistake)، ނުބައި މައުލޫމާތު ފޯރުކޮށްދީފައިވުން (misrepresentation)، ގަސްދުގައި އޮޅުވާލުން (fraud)، އެއްބަސްވުމާގުޅޭ ޖައުހަރީ ސީޣާއެއް (material fact) ހާމަކޮށްފައި ނުވުން، އެއްބަސްވުމުގެ އެއް ބައިވެރިއަކީ އެއްބަސްވުމެއްގައި ބައިވެރިވުމުގެ ޤާނޫނީ ހައިސިއްޔަތު (legal capacity) ލިބިފައިވާ ފަރާތެއް ކަމުގައި ނުވުން ފަދަ ހާލަތްތަކަކީ، އެއްބަސްވުމެއް ވުމަށް ފަހުގައި، އެ މަޢުލޫމާތު ލިބުމުން، އެކަމުގެ މައްޗަށް ބިނާކޮށް އެއްބަސްވުން އެއްކައިރިކޮށް، އެއްބަސްވުމަކީ ތަންފީޒު ނުކުރެވޭ އެއްބަސްވުމެއް ކަމުގައި ކަނޑައެޅިދާނެ ޙާލަތްތަކެވެ. އެހެންނަމަވެސް، އެ މައުލޫމާތު ލިބި، އެއްބަސްވުން އެއްފަރާތްކުރުމަށް އެއްބަސްވުމުގެ ބައިވެރިއަކު އިޚްތިޔާރު ކުރާނަމަ، އެކަން ކުރަންވާނީ އެކަށީގެންވާ މުއްދަތެއްގެ ތެރޭގައެވެ. އަދި އެއްބަސްވުމުގެ ބައިވެރިއަކު އެއްބަސްވުން އެއްފަރާތްކުރުމަށް އިޚްތިޔާރު ނުކުރާނަމަ، އެ ފަދަ އެއްބަސްވުމަކީ އެމައްޗަށް އަމަލުކުރެވޭ އެއްބަސްވުމެއްގެ ގޮތުގައި ދެމި އޮންނާނެއެވެ.
އަހުރެންގެ ކުރިމަތީގައި މިއޮތް މައްސަލައިގައި އެ އެއްބަސްވުމެއް ތަންފީޒުކުރެވިދާނެ ކަމާމެދު ސުވާލު އުފައްދާފައިވާ ރަހުނު އެއްބަސްވުމަކީ ޤާނޫނުގައި ބުނާފަދަ ޣައިރު ޤާނޫނީ އެއްބަސްވުމެއް ކަމުގައި ނުވާތީއާއި، އެ އެއްބަސްވުމަކީ އެއްބަސްވުމުގެ އުންސުރުތައް ފުރިހަމަވެފައި ނުވަތަ، އުމުރުގެ ގޮތުން ނުވަތަ ސިކުނޑީގައި ހުރި އުނިކަމެއްގެ ސަބަބުން އެއްބަސްވުމެއްގައި ބައިވެރިނުވެވޭ ފަދަ މީހެއް ކޮށްފައިވާ އެއްބަސްވުމެއް ކަމުގައި ނުވާތީ، އެއީ އިސްވެ އިޝާރާތްކުރިފަދަ ބާތިލު އެއްބަސްވުމެއް ކަމުގައި ބެލެވޭނެ ހާލަތެއް ނެތެވެ.
ހަމަ އެފަދައިން، ރަހުނު އެއްބަސްވުމަކީ ބާތިލުކުރެވިދާފަދަ އެއްބަސްވުމެއްކަން ނުވަތަ ނޫންކަމުގެ މައްޗަށް ބަލާއިރު، އެ ރަހުނުގެ އެއްބަސްވުން ވީއިރު ނުބައި މައުލޫމާތު ފޯރުކޮށްދީފައިވާކަން، ނުވަތަ ގަސްދުގައި އޮޅުވާލާފައިވާކަން، ނުވަތަ އެއްބަސްވުމާގުޅޭ ޖައުހަރީ ސީޣާއެއް ހާމަކޮށްފައި ނުވާކަން، ނުވަތަ އެއްބަސްވުމުގެ އެއް ބައިވެރިއަކީ އެއްބަސްވުމެއްގައި ބައިވެރިވުމުގެ ޤާނޫނީ ހައިސިއްޔަތު ނެތް ފަރާތެއްކަން ނުވަތަ އެފަދަ އެހެންވެސް އެއްބަސްވުމެއް އެއްފަރާތްކުރެވިދާ ފަދަ ހާލަތެއް ވުޖޫދުގައި އޮތް އެއްބަސްވުމެއް ކަމުގައި ނުވާތީ، އެ އެއްބަސްވުމަކީ ބާތިލުކުރެވިދާފަދަ އެއްބަސްވުމެއް ކަމުގައި ބެލެވޭކަށް ނެތެވެ.
ބަހުސްގެ ބޭނުމަށްޓަކައި، އެ ރަހުނުގެ އެއްބަސްވުން އެއްފަރާތްކުރެވިދާ ފަދަ ހާލަތެއް ވުޖޫދުގައި އޮތް ކަމުގައި ބެލިނަމަވެސް، އެއްބަސްވުން ވުމަށް ފަހު އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި ޢަބްދުއްލަޠީފް ޢަބްދުﷲ ގެ ފަރާތުން އެއްބަސްވުން އެއްފަރާތްކުރުމަށް އެއްވެސް މަސައްކަތެއް ކޮށްފައި ނެތެވެ. އެއާ ޚިލާފަށް، މި މައްސަލައިގައި، ޤާނޫނުގައި ބަޔާންކުރާ އިޖުރާއަތަކަށް ހަވާލާދީ ޢަބްދުއްލަޠީފް ޢަބްދުﷲ ގެ ފަރާތުން އެއްބަސްވުމުގެ މައްޗަށް އަމަލުނުކުރެވޭނެ ކަމުގައި ބުނެފައިވަނީ ރަހުނު ބެހެއްޓި ފަރާތުން ދީފައިވާ ޔަގީންކަމުގެ މައްޗަށް ބިނާކޮށް، ރަހުނު ހިފިފަރާތުން ފައިސާ ދޫކުރިތާ 6 (ހައެއް) އަހަރަށް ވުރެ ދިގު މުއްދަތެއް ފާއިތުވި ފަހުން، އަދި އެއްބަސްވުމާ އެއްގޮތަށް އަމަލު ނުކުރުމުގެ ސަބަބުން އެމް.ސީ.ބީ ގެ ފަރާތުން ދަޢުވާ ކުރުމުންނެވެ.
ހުށަހަޅާފައިވާ މި މައްސަލައިގެ ފަސްފަހަތަށް ބަލާއިރު، އެމް.ސީ.ބީ ގެ ފަރާތުން ސިވިލް ކޯޓުގައި ޢަބްދުއްލަޠީފް ޢަބްދުﷲ ހިމެނޭގޮތުން 5 (ފަހެއް) ފަރާތެއްގެ މައްޗަށް ދަޢުވާކުރުމުން، ޢަބްދުއްލަޠީފް ޢަބްދުﷲ ގެ ފަރާތުން މައިގަނޑު ގޮތެއްގައި ފާހަގަކޮށްފައިވަނީ:
(ހ)ލޯނު ނަގާފައިވަނީ ރާގު ކޮމްޕެނީއިން ކަމާއި، ޢަބްދުއްލަޠީފް ޢަބްދުﷲ އަކީ އެ ކުންފުނީގައި ހިއްސާއެއް އޮންނަ ނުވަތަ އެހެން ހައިސިއްޔަތަކުންވެސް އެ ކުންފުންޏާ ގުޅުމެއް އޮންނަ ފަރާތެއް ނޫންކަން؛
(ށ)އެހެންކަމުން ލޯނަށް އަމިއްލަ ހައިސިއްޔަތުން ގެރެންޓީ ދިނުމަކީ ޢަބްދުއްލަޠީފް ޢަބްދުﷲ އަށް އެއްވެސް މަންފާއެއް ލިބޭ ކަމެއް ނޫންކަން؛
(ނ)ގިނަ ދުވަސްވެފައިވާ މުޢާމަލާތެއް ކަމުގައިވާތީ، ކަން ހިނގާފައިވާ ގޮތް އެންމެ ރަނގަޅަށް ހަނދާނެއް ނެތްކަން، އެހެންނަމަވެސް ރަހުނު އެއްބަސްވުމުގައި ސޮއި ކުރިކަން؛
(ރ)ރަހުނު އެއްބަސްވުމުގައި ސޮއިކުރީ ހ.އަލިނަރުހިޔާ އެވެކިޔާ ގޯތި ހަދާދޭނެކަމަށް ރާގު ކޮމްޕެނީގެ ހިއްސާދާރެއްކަމުގައިވާ މުޙައްމަދު ޝިފާން ވެފައިވާ އެއްބަސްވުމެއްގެ ދަށުން، އެ އެއްބަސްވުމުގެ މައްޗަށް ބަރޯސާވެކަން؛
(ބ)ރަހުނު އެއްބަސްވުމުގައި ސޮއިކުރިއިރު، ރަހުނުކުރެވުނީ ކިހާވަރެއްގެ ލޯނެއްގެ ގެރެންޓީއެއްގެ ގޮތުންކަމާއި، ރަހުނުކުރުމުގެ ނަތީޖާއަކީ ކޮބައިކަން އޮޅުން ފިލާފައިނުވާކަމާއި އެމް.ސީ.ބީގެ ފަރާތުން މިކަންކަން އޮޅުން ފިލުވައިދިނުމަށް އެއްވެސް މަސައްކަތެއް ކޮށްފައި ނުވާތީ، ބިމާބެހޭ ޤާނޫނުގެ 36 ވަނަ މާއްދާގެ (ހ) ގެ 02 ވަނަ ނަންބަރުގެ (ށ) އަށް ޙަވާލާދީ، ސޮއިކޮށްފައިވާ ރަހުނުގެ އެއްބަސްވުމަކީ ޞައްޙަ އެއްބަސްވުމެއް ނޫންކަމާއި އެ އެއްބަސްވުން ތަންފީޒު ނުކުރެވޭނެ ކަމުގައެވެ.
އެހެންކަމުން، ޢަބްދުއްލަޠީފް ޢަބްދުﷲ ގެ ބަހުން، އޭނާ ހ.އަލިނަރުހިޔާ އެވެކިޔާ ގޯތި ރަހުނުކުރީ ރާގު ކޮމްޕެނީގެ ހިއްސާދާރެއްކަމުގައިވާ މުޙައްމަދު ޝިފާން އެ ގޯތި ހަދާދޭނެކަމަށް ބުނެ އަނގަބަހުން ވެފައިވާ އެއްބަސްވުމަށް ބަރޯސާވެ، ހ.އަލިނަރުހިޔާ އެވެކިޔާ ގޯތި އިމާރާތްކުރުމުގެ ފައިދާ ލިބިގަތުމުގެ ބޭނުމުގައި ކަން އެނގެއެވެ. އަދި އެހެންކަމުން ގޯތި ގެދޮރު ރަހުނުކުރަނީ އެ ތަންތަން އިމާރާތްކުރުމަށް ނުވަތަ އެހެންވެސް ބޭނުމަކަށް ފައިސާ ހޯދުމުގެ ބޭނުމުގައިކަން ޢަބްދުއްލަޠީފް ޢަބްދުﷲ އަށް އެނގޭކަމާމެދު ޝައްކެއް ނެތެވެ.
އެއްބަސްވުމަކީ ބާތިލު އެއްބަސްވުމެއް އަދި ބާތިލުކުރެވިދާފަދަ އެއްބަސްވުމެއް ކަމުގައި ނުވާހިނދު، ޤާނޫނުގައި ބުނާ އިޖުރާއަތު ސީދާ އެފަދައިން ފުރިހަމަކޮށްފައި ނުވާތީ، ރަހުނު ތަންފީޒު ކުރުމަށް ހުރަހަކަށް ވާނެކަން ނުވަތަ ނޫންކަމުގެ މައްޗަށް ބަލާއިރު، ސުޕްރީމް ކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ޢަބްދުﷲ ޢަލީ [2021] SC 62 ގައި ބަޔާންކޮށްފައިވާ ފަދައިން، ކޮންމެ އިޖުރާއީ އޮޅުމަކީ އޭގެ ޒާތުގައި، އެފަދަ އޮޅުމެއްގެ ސަބަބުން، އެ އިޖުރާއަތާއި އެ އިޖުރާއަތާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތައް ނިއުޅާލަންޖެހޭ ސަބަބެއް ނޫނެވެ. އެ ޤަޟިއްޔާގައި ފާހަގަކޮށްފައިވާ ފަދައިން، އިޖުރާއީ އޮޅުމަކީ އެ އޮޅުމަކާ ވިދިގެން އަޅާފައިވާ ފިޔަވަޅުތައް ބާޠިލުކުރަންޖެހޭފަދަ އިޖުރާއީ އޮޅުމެއްކަން ނުވަތަ ނޫންކަން ކަނޑައެޅުމުގައި ގެންގުޅޭ މިންގަނޑަށް ބަލާއިރު، ސީރިއަސް އިޖުރާއީ އޮޅުމެއް ހިނގާފައިވާ ނަމަވެސް، އޭގެ ނަތީޖާއެއްގެ ގޮތުން ޢަދުލުވެރިކަން ގެއްލޭފަދަ ޙާލަތެއް މެދުވެރިވެފައި ނުވާނަމަ، އިޖުރާއަތާ ގުޅިގެން ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާފައިވާ ގޮތުން ހާޞިލުކުރަން އޮތް މަޤްޞަދަކީ، އިޖުރާއީ އޮޅުމެއްގެ ސަބަބުން ކޯޓުތަކަށް ޢަދުލުވެރި އަމުރުތައް ނެރުމަށް ލިބިދީފައިވާ އިޚްތިޞާޞް ގެއްލިގެންދާ ކަމެއްގެ ގޮތުގައި ނުބެލުމެވެ.
ރައްޔިތުންގެ މަޖިލީހުން ބިމާބެހޭ ޤާނޫނަށް ގެނައި ފުރަތަމަ އިސްލާހުން، ރަހުނުކުރުމުގެ ކުރިން ރަހުނު ހިފާފަރާތުން ރަހުނުގެ މުޢާމަލާތާއި، އެ މުޢާމަލާތު ކުރުމުގެ ނަތީޖާ، ރަހުނު ބަހައްޓާ ފަރާތަށް މުސްތަޤިއްލު ދެ ހެކިންގެ ހާޒިރުގައި އޮޅުން ފިލުވައިދޭން ޖެހޭކަމަށް ބަޔާންކޮށްފައިވަނީ ކީއްވެހެއްޔެވެ؟ މި ކަން އޮތް ގޮތެއް ބެލުމަށްޓަކައި ބިމާބެހޭ ޤާނޫނަށް ފުރަތަމަ އިސްލާހު ގެނައުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގައި ކުރެވުނު މަސައްކަތްތަކާއި ބަހުސްތަކަށް ބެލި ހިނދު، ބިމާބެހޭ ޤާނޫނުގެ 36 ވަނަ މާއްދާއާމެދު މެމްބަރުން ވާހަކަ ދައްކަވާފައިވަނީ ޖުމުލަ 3 (ތިނެއް) ފަހަރެއްގެ މަތިން ކަމުގައިވާއިރު، އެ މާއްދާގެ (ހ) ގެ 02 ވަނަ ނަންބަރުގެ (ށ) ގައިވާ ކަންކަމާމެދު – އެއީ، ރަހުނުކުރުމުގެ މުއާމަލާތެއް ކުރުމުގެ ކުރިން ރަހުނުގެ މުޢާމަލާތާއި، އެ މުޢާމަލާތުގެ ނަތީޖާއާ ގުޅޭގޮތުން، މުސްތަޤިއްލު ދެ ހެކިންގެ ހާޒިރުގައި ރަހުނު ބަހައްޓާ ފަރާތަށް ރަހުނު ހިފާފަރާތުން މައުލޫމާތު ދޭންޖެހުމާމެދު – މެމްބަރުން ވާހަކަ ދައްކަވާފައިވަނީ އޭގެ ތެރެއިން އެންމެ ފަހަރަކުކަން ފާހަގަވެއެވެ. އަދި އެއީ އެ އަކުރުގައި ބުނާ 'މުސްތަޤިއްލު ދެ ހެކިން' ގެ މުސްތަޤިއްލުކަމާމެދު ސުވާލު އުފެދިދާނެ ޙާލަތެއްގައި އެކަމެއްގެ ފަރުވާއެއްގެ ގޮތުން 'މުސްތަޤިއްލު' މި ލަފުޒަށް ތައުރީފެއް ދޭންޖެހޭކަން ނުވަތަ ނޫންކަމާމެދު ދެކެވުނު ވާހަކަތަކެކެވެ. ރައްޔިތުންގެ މަޖިލީހުގެ ބުނެވުނު ޖަލްސާތަކުގައި ބިމާބެހޭ ޤާނޫނުގެ 36 ވަނަ މާއްދާއާމެދު ބަހުސްކުރެވުނު އިރު، އެ މާއްދާގެ (ހ) ގެ 02 ވަނަ ނަންބަރުގެ (ށ) އަކީ ކޮން މަގުސަދެއްގައި ނުވަތަ ކޮން ކަމަކަށް ހައްލު ލިބިދިނުމުގެ ގޮތުން އިތުރުކުރެވުނު އަކުރެއްކަމާމެދު ވާހަކަދައްކާފައިވާކަން ފާހަގަނުވެއެވެ. އެހެންކަމުން، ރަހުނުކުރުމުގެ ކުރިން ބިމާބެހޭ ޤާނޫނުގެ 36 ވަނަ މާއްދާގެ (ހ) ގެ 02 ވަނަ ނަންބަރުގެ (ށ) ގައިވާ އިޖުރާއަތު ފުރިހަމަކުރަންޖެހެނީ ރަހުނު ބަހައްޓާ ފަރާތަށް މައުލޫމާތު ދިނުމުގެ ގޮތުންކަމުގައި ބަލަންޖެހެއެވެ.
މި މައްސަލައިގައި މިއޮތް ހާލަތުގައި، ރަހުނު ބެހެއްޓި ފަރާތުން އެކަން ކޮށްފައިވަނީ ރަހުނުގެ ގޮތުގައި މުދާ ބަހައްޓާކަން އެނގިހުރެ، އެ ފަދައިން ރަހުނު ބެހެއްޓުމުން އޭނާއަށް ލިބެންއޮތް މަންފާއެއް ހޯދުމުގެ ނިޔަތުގައިކަން އެނގެއެވެ. ރަހުނުގެ މުއާމަލާތާއި އެފަދައިން ރަހުނު ބެހެއްޓުމުގެ ނަތީޖާއާ ގުޅޭގޮތުން ރަހުނު އެއްބަސްވުމުގައި ސާފުކޮށް މާއްދާތައް ބަޔާންކޮށްފައިވާތީ، އަދި ޢަބްދުއްލަޠީފް ޢަބްދުﷲ އަކީ ލިޔަންކިޔަން ނޭނގޭ ނުވަތަ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ކަންކަން ދެނެނުގަނެވޭފަދަ ޙާލަތެއްގައި ހުރި ފަރާތެއްކަން އެނގެން ނެތުމުން، އަދި ރަހުނުގެ މުއާމަލާތްތަކާ ގުޅިގެން ގެއެއް ރަހުނުކުރާނަމަ، އެ ގޯއްޗެއްގެ ރަޖިސްޓަރީގައި ރަހުނު ކުރިކަމުގެ ތައްގަނޑު ޖެހުމާއި، ލޯނު ފައިސާ އަނބުރާ ދައްކާ ޚަލާސްކުރުމާ ހަމައަށް ގޯތީގެ ރަޖިސްޓަރީގެ އަސްލު ރަހުނު ހިފާފަރާތުގެ ކިބައިގައި ބޭއްވުންފަދަ ފިޔަވަޅުތައް އެޅެމުންދާތީ އާއި، މުއާމަލާތުގެ ދަށުން ރަހުނު ހިފިފަރާތުން ލޯނު ފައިސާ ދޫކޮށްފައިވާއިރު، އަދި އެ ލޯނު ފައިސާ ދޫކޮށްފައިވަނީ ކުރި ރަހުނުގެ އެއްބަސްވުމުން ލިބިދޭ ޔަޤީންކަމުގެ މައްޗަށް ބިނާކޮށް ކަމުގައިވާތީ، ރަހުނު އެއްބަސްވުމުގައި ސޮއިކުރުމުގެ ކުރިން ވަކި މަޢުލޫމާތެއް ލިބިދީފައި ނުވާކަމުގައި ބުނެ، އެތަކެއް އަހަރުތަކެއް ފަހުން، އިޖުރާއަތަކާ އަޅުވައި މުޅި މުއާމަލާތް ރޫޅާލުމަކީ އަދުލުވެރިގޮތެއް ކަމުގައި އަހުރެން ނުދެކެމެވެ.
ޢަބްދުއްލަޠީފް ޢަބްދުﷲ ގެ ބަހުން، އޭނާ ހ.އަލިނަރުހިޔާ އެވެކިޔާ ގޯތި ރަހުނުކުރީ ރާގު ކޮމްޕެނީ މެދުވެރިކޮށް އެ ގޯތި އިމާރާތްކުރުމުގެ ގަސްދުގައިކަން އެނގޭ ހިނދު، ގޯތި ރަހުނުކޮށްގެން ޢަބްދުއްލަޠީފް ޢަބްދުﷲ ބޭނުންވި ނަތީޖާ ނުނިކުތުމަކީ، އިޖުރާއަތު ފުރިހަމަނުވާ ކަމުގައި ބުނެ، ޢަބްދުއްލަޠީފް ޢަބްދުﷲ ގެ ފަރާތުން ކޯޓެއްގައި ރަޖިސްޓަރީކޮށް ވެފައިވާ ބަނދެވޭ އެއްބަސްވުމަކުން، އަދި އެ އެއްބަސްވުމުގެ ދަށުން ޢަބްދުއްލަޠީފް ޢަބްދުﷲ އުފުލަންޖެހޭ އިލްތިޒާމުތަކުން ދުރަށް ދެވޭނެ ސަބަބެއް ކަމުގައިވެސް އަހުރެން ނުދެކެމެވެ.
އަދި ޢަބްދުއްލަޠީފް ޢަބްދުﷲ ހ.އަލިނަރުހިޔާ އެވެކިޔާ ގޯތި ރަހުނުކުރީ ރާގު ކޮމްޕެނީ ނުވަތަ އެ ކުންފުނީގެ ހިއްސާދާރަކު ގޯތި އިމާރާތްކުރުމުގެ ކަންކަން ކޮށްދޭނެކަމުގައި ބުނެފައިވާތީ، އެކަމުގެ މައްޗަށް ބަރޯސާވެގެން ކަމުގައިވާނަމަ، މި ކޯޓުން ބުނެވުނު ރަހުނު އެއްބަސްވުމާ ގުޅޭގޮތުން ނިންމާ ނިންމުމަކީ ޢަބްދުއްލަޠީފް ޢަބްދުﷲ ގެ ފަރާތުން ރާގު ކޮމްޕެނީ ނުވަތަ އެ ކުންފުނީގެ ހިއްސާދާރާމެދު އަނގަބަހުން ވެފައިވާ އެއްބަސްވުމަކަށް ބަރޯސާވެ ކުރި ޢަމަލުގެ ސަބަބުން ޢަބްދުއްލަޠީފް ޢަބްދުﷲ އަށް ލިބިފައިވާ ނުވަތަ ލިބޭ ގެއްލުން، ރާގު ކޮމްޕެނީ ނުވަތަ އެ ކުންފުނީގެ ހިއްސާދާރުގެ ކިބައިން ހޯދުމަށް އޮތް ހުރަހެއް ނޫނެވެ.
އެއް އަހަރުގެ މުއްދަތަށްފަހު ދަޢުވާކުރުން
ބިމާބެހޭ ޤާނޫނުގެ 36 ވަނަ މާއްދާގެ (ނ) ގެ 02 ވަނަ ނަންބަރަށް ބަލާއިރު، އެއްބަސްވުމާ އެއްގޮތަށް ފައިސާ ނުދައްކައިފި ޙާލަތެއްގައި ދަޢުވާކުރަންޖެހެނީ އެއްބަސްވުމުގެ ދަށުން ފައިސާ ދައްކަންޖެހޭ މުއްދަތު ހަމަވާ ތާރީޚުން ފެށިގެން 01 (އެކެއް) އަހަރު ދުވަހުގެ ތެރޭގައެވެ. އެއީ އެނޫން ގޮތަކަށް ކަންކުރުމަށް ލިޔެކިޔުމުން އެއްބަސްވެފައިވާ ޙާލަތްތައް ފިޔަވައި އެހެން ޙާލަތްތަކުގައެވެ.
ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރު ފާހަގަކުރައްވާފައިވާ ފަދައިން، ޤާނޫނުން 01 (އެކެއް) އަހަރު ދުވަހުގެ މުއްދަތަކަށްފަހު ދަޢުވާކުރުމުގެ ފުރުސަތު ހުޅުވާލާފައިވަނީ އެއްބަސްވުމުގައި އެފަދަ ހާލަތްތަކެއް ބަޔާންކޮށްފައި ވާނަމަ ކަމުގައި އަހުރެންވެސް ދެކެމެވެ. އަދި ސުޕްރީމް ކޯޓުގެ އިބްރާހީމް ޚަލީލް ވ. ދައުލަތް (މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިފްރާސްޓްރަކްޗަރ) މައްސަލައިގައި އުއްތަމަ ފަނޑިޔާރު އަޙްމަދު މުޢުތަޞިމް ޢަދުނާން ބަޔާންކުރައްވާފައިވާ ފަދައިން، އެއްބަސްވުމުގައި ވަކި ހާއްސަ މަޢުލޫމާތުތަކެއް ހިމަނަންޖެހޭނަމަ ޤާނޫނު ލާޒިމުކުރާ ފަދައިން އެ އެއްބަސްވުމެއް އޮތް ކަމުގައި ބެލޭނީ އެ މަޢުލޫމާތެއް އެއްބަސްވުމުގައި ހިމަނާފައިވާ ނަމަ ކަމުގައިވެސް އަހުރެން ގަބޫލުކުރަމެވެ.
މި ހާލަތުގައި، ޤާނޫނުގައި ބުނާ މަޢުލޫމާތަކީ ކޮބައިހެއްޔެވެ؟ އެއީ، ދަޢުވާކުރުމަށް ޤާނޫނުގައި ބަޔާންކޮށްފައިވާ 01 (އެކެއް) އަހަރު ދުވަހުގެ މުއްދަތަކަށްފަހު ދަޢުވާކުރުމުގެ ފުރުސަތު އެއްބަސްވުމުގައި ލިބިދީފައިވާކަން ނުވަތަ ނޫންކަމެވެ. އެއްބަސްވުމުގެ ދަށުން ފައިސާ ދައްކަންޖެހޭ މުއްދަތު ހަމަވާ ތާރީޚުން ފެށިގެން 01 (އެކެއް) އަހަރު ދުވަހަށް ފަހު ދަޢުވާކުރެވޭނީ އެއްބަސްވުމުގައި އެފަދަ ޙާލަތްތައް ބަޔާންކޮށްފައިވާނަމަ ކަމުގައިވާތީއެވެ.
ބިމާބެހޭ ޤާނޫނުގައި ބަޔާންކުރާ 01 (އެކެއް) އަހަރު ދުވަހުގެ މުއްދަތަށްފަހުވެސް ދަޢުވާކުރުމުގެ ހައްގު، ޢަބްދުއްލަޠީފް ޢަބްދުﷲ އާއި އެމް.ސީ.ބީ އާދެމެދު ވެފައިވާ ރަހުނު އެއްބަސްވުމުގެ ދަށުން ލިބިގެންވާކަމަށް ބުނެ، އެމް.ސީ.ބީ އިން ޙަވާލާދެނީ އެ އެއްބަސްވުމުގެ 3.2 ވަނަ މާއްދާއަށެވެ. އެ މާއްދާގައި، ލޯނުގެ ފައިސާ ދައްކާ ޚަލާޞްކޮށް ނިމެންދެން ރަހުނާ ގުޅިގެން އުފެދޭ ޙައްޤުތައް ދެމިއޮންނާނެ ކަމުގައި ބަޔާންވެފައި އޮވެއެވެ. މީގެ އިތުރުން، އެއްބަސްވުމުގައި ރަހުނާއި، އެ ރަހުނާ ގުޅިގެން ލިބިދޭ ހައްޤުތައް ބަޔާންކޮށްފައިވުމުގެ އިތުރުން، ރަހުނު އެއްބަސްވުމަކީ ލޯނު ދޫކުރި ފެސިލިޓީ ލެޓަރގައި ހުރި އިލްތިޒާމުތަކާއެކު ކިޔާ ތަންފީޒުކުރަންޖެހޭ އެއްބަސްވުމެއް ކަމުގައިވެސް ރަހުނު އެއްބަސްވުމުގައި ބަޔާންކޮށްފައިވެއެވެ. އަދި މި ދެ ލިޔުމަށް ބެލުމުން، އެއްބަސްވުމާ އެއްގޮތަށް ފައިސާ ނުދައްކައިފި ޙާލަތެއްގައިވެސް އިތުރު ފުރުސަތުތަކެއް ދިނުމާއި، ރަހުނު ވިއްކާ ނުލައި އެ މުދާ ބޭނުންކޮށްގެން ލޯނު ފައިސާ އަނބުރާ ހޯދޭނެ ގޮތްތަކާއި މިފަދަ އެހެންވެސް މައުލޫމާތު ހިމަނާފައިވެއެވެ.
އެހެންކަމުން، ދަޢުވާކުރުމުގެ މުއްދަތަކީ ލޯނުގެ ފައިސާ ދައްކާ ޚަލާޞް ކުރެވެންދެން ދެމި އޮންނާނެ މުއްދަތެއް ކަމުގައި ބެލެވިދާނެ ހެއްޔެވެ؟
ޤާނޫނުން އެއްބަސްވުމެއްގައި ބަޔާންކުރަންޖެހޭ މަޢުލޫމާތު ޞަރީޙަ އިބާރާތުން ބަޔާންކުރުމަކީ އެންމެ އެކަށީގެންވާ އަދި އެންމެ ރައްކާތެރިގޮތެވެ. އެހެންނަމަވެސް، މި މުއާމަލާތާ ގުޅިގެން ރަހުނު އެއްބަސްވުމުގައި އެ އެއްބަސްވުމުގެ ދަށުން ދައްކަންޖެހޭ ފައިސާ ދައްކަންޖެހޭ މުއްދަތު ހަމަވާ ތާރީޚުން ފެށިގެން 01 (އެކެއް) އަހަރު ދުވަސް ހަމަވި ކަމުގައިވީނަމަވެސް އެމް.ސީ.ބީ އަށް ދަޢުވާ އުފުލިދާނެކަމުގައި ޞަރީޙަ ބަހުން ބަޔާންކޮށްފައި ނުވުމުން، އެމް.ސީ.ބީ އަށް ދަޢުވާކުރުމުގެ ފުރުސަތު ގެއްލުނީކަމުގައި އަހުރެން ނުދެކެމެވެ. އެއީ، އެންމެ އެދެވޭ ގޮތަށް ސާފުބަހުން ނޫން ނަމަވެސް، ޢަބްދުއްލަޠީފް ޢަބްދުﷲ އާއި އެމް.ސީ.ބީ އާދެމެދު ލިޔެކިޔުމުން އެއްބަސްވެފައިވާ ގޮތުން، ލޯނުގެ ފައިސާ ދައްކާ ޚަލާޞްކޮށް ނިމެންދެން ރަހުނާ ގުޅިގެން އުފެދޭ ޙައްޤުތައް ދެމިއޮންނާނެ ކަމުގައިވާތީއެވެ. އަދި އެ ޙައްޤުތަކުގެ ތެރޭގައި އެއްބަސްވުމުގައިވާ ފަދައިން އަމަލުނުކޮށްފިނަމަ، ދައުވާކުރުމުގެ ޙައްޤު ލިބިދެވޭތީއެވެ. މިފަދައިން އަހުރެންނަށް އިފްތިރާޒުކުރެވެނީ ފައިސާ ދެއްކުމަށް އެހެން ފުރުސަތުތައް ދިނުމުގެ އިތުރުން، ރަހުނު މުދާ ކުއްޔަށްދީގެން ފައިސާ ހޯދުމުގެ މަގުވެސް އެއްބަސްވުމުން ހުޅުވާލާފައިވާތީއެވެ. އެހެނީ، އެއްބަސްވުމުގެ ދަށުން ދައްކަންޖެހޭ ފައިސާ ދައްކަންޖެހޭ މުއްދަތު ހަމަވާ ހާލަތުގައި، އެ އެއްބަސްވުމުގައި ބަޔާންކުރާ ފުރުސަތުތައް ދިނުމަށް ފަހުގައި ލޯނު ފައިސާ އެއްކޮށް އަނބުރާ ނުދައްކާވާތީ، ފައިސާ ދައްކަންޖެހޭ މުއްދަތު ހަމަވި ތާރީޚުން ފެށިގެން 01 (އެކެއް) އަހަރު ދުވަހުގެ ތެރޭގައި ދަޢުވާކުރުމަކީ މުސްތަހީލުކަމެއް ކަމުގައިވާތީއެވެ.
ކުރިންވެސް ބަޔާންކޮށްފައިވާ ފަދައިން، ޤާނޫނެއްގައި ބުނާ މައުލޫމާތެއް ނުވަތަ ވަކި ޙާލަތްތަކެއް އެއްބަސްވުމުގައި ހިމަނާނަމަ، އެކަން ވީ އެންމެ ސާފުކޮށް އޮޅުމެއް ނުއަރާނެހެން ހިމެނުމަކީ އެދެވޭ ގޮތްކަމުގައި އަހުރެން ދެކޭހިނދު، މި ޙާލަތުގައި މުޅި އެއްބަސްވުން އެކުގައި ބެލުމުން ރަހުނު އެއްބަސްވުމުގެ 3.2 ވަނަ މާއްދާއަކީ އެއްބަސްވުމުގެ ދަށުން ދައްކަންޖެހޭ ފައިސާ ދައްކަންޖެހޭ މުއްދަތު ހަމަވާ ތާރީޚުން ފެށިގެން 01 (އެކެއް) އަހަރު ދުވަސް ހަމަވުމަށްފަހުގައި ދަޢުވާކުރުމަށް ބޭނުންކުރެވިދާނެ މާއްދާއެއް ކަމުގައި އަހުރެން ދެކެމެވެ. އަދި އެއްބަސްވުމުގައި ބަޔާންކޮށްފައި އޮތް މިންވަރަކީ ޤާނޫނުގައި ބަޔާންކޮށްފައިވާ އިސްތިސްނާއީ ޙާލަތު (އެއީ 01 (އެކެއް) އަހަރު ދުވަސް ހަމަވުމަށްފަހުގައި ދަޢުވާކުރުން) ގެ ބޭނުންހިފުމަށްޓަކައި ފުދޭ މިންވަރެއް ކަމުގައި އަހުރެން ދެކެމެވެ.
ނިންމަން ފެންނަ ގޮތް
ހައިކޯޓުން އެއްބަސްވުން ދަމަހައްޓަންޖެހޭ ކަމަށް ބަޔާންކޮށްފައިވާ ސަބަބުތަކާއި އަހުރެން ބަޔާންކުރި ސަބަބުތަކުގައި ތަފާތުތަކެއް ހުރިކަން އަހުރެން ފާހަގަކުރާހިނދު، އިސްވެ ބަޔާންކުރި ކަންކަން އެފަދައިން ހުރުމުން، ބިމާބެހޭ ޤާނޫނުގެ 36 ވަނަ މާއްދާގެ (ހ) ގެ 02 ވަނަ ނަންބަރުގެ (ށ) އަށާއި، އެ ޤާނޫނުގެ 36 ވަނަ މާއްދާގެ (ނ) ގެ 02 އަށް ޙަވާލާދީ ޢަބްދުއްލަޠީފް ޢަބްދުﷲ ގެ ފަރާތުން ހުށަހަޅާފައިވާ ކަންކަމުގެ އަލީގައި، ހައިކޯޓުގެ ނަންބަރު 2018/HC-A/60 ޤަޟިއްޔާގެ ނިންމުން ބާތިލު ކުރަންޖެހޭ ކަމުގައި އަހުރެން ނުދެކެމެވެ.
ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންގެ ރައުޔު
މި މައްސަލައިގައި ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ޙުކުމް
ދެންފަހެ، މަތީގައި ބަޔާން ކުރެވުނު ސަބަބުތައް އެހެން ހުރުމުން ޢަބްދުއްލަޠީފް ޢަބްދުﷲގެ ފަރާތުން ފާހަގަކޮށްފައިވާ ކަންކަމުގެ މައްޗަށް ބިނާކޮށް މި މައްސަލައިގައި ހައިކޯޓުގެ ނަންބަރު 2018/HC-A/60 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމަށް ބަދަލު ގެންނަންޖެހޭ ތަނެއް ނެތްކަމުގައި މި މައްސަލަ ބެލި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަޣްލަބިއްޔަތުން ކަނޑައަޅައި ޙުކުމް ކޮށްފީމެވެ.
މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ:
ޢާއިޝާ ޝުޖޫން މުޙައްމަދު މަޙާޒު ޢަލީ ޒާހިރު ޢަލީ ރަޝީދު ޙުސައިން (ރިޔާސަތު)
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.