ދިވެހިރާއްޖޭގެ މަތީ މަރުޙަލާގެ ކޯޓުތަކުން ކަނޑައަޅާފައިވާ ޤާނޫނީ އުޞޫލުތައް

Maldives Legal Precedents

Saeed Lex
[2024] SC 31 · 2022/SC-A/32ސުޕްރީމް ކޯޓު · 5 ޖޫން 2024

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ ވ. ޢަބްދުﷲ ޝަރީފް

ސުޕްރީމް ކޯޓު
ފަހުގެ ޙުކުމެއްގައި ޙަވާލާދީފައެއް ނުފެނޭޙުކުމުގެ ހާލަތު
ސުޕްރީމް ކޯޓު · 5 ޖޫން 2024ބާވަތް: މަދަނީ

ޚުލާޞާ

ޚުލާޞާ ނެތް.

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
—
ފަހުގެ ތާރީޚު
—

ނިންމުން

—

ކޯ ޓާމްސް

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

މި ލިޔުމުން އުޞޫލެއް ނުނެގުނު.

ފަނޑިޔާރުން

ބެންޗު
—
ޚިލާފު ރައުޔު
ނެތް

ޝަރީޢަތުގެ ވީޑިއޯ

ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.

 ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު [2024] SC 31 2022/SC-A/32 ޝަރީޢަތް ނިމުނުގޮތް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ ވ. ޢަބްދުﷲ ޝަރީފް ފަނޑިޔާރުންގެ މަޖިލިސް ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރު ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު ފަނޑިޔާރު ޙުސްނުއް ސުޢޫދު ނިމުނު ތާރީޚު 05 ޖޫން 2024

އިސްތިއުނާފު ކުރެވުނު ޤަޟިއްޔާ 2018/HC-A/423 އިސްތިއުނާފު ރައްދުވާ ފަރާތް އިސްތިއުނާފުކުރާ ފަރާތް ޢަބްދުﷲ ޝަރީފް، ހ. އެރޯމާ، މާލެ މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ ޤާނޫނީ ވަކީލު: ފަތުހުﷲ އިސްމާއީލް، ސީޓީއެލް ސްޓްރެޓެޖީސް އެލްއެލްޕީ ޤާނޫނީ ވަކީލު: ޑެޕިއުޓީ މެނޭޖަރ، މަރިޔަމް ޔާޝާ

ޓެކްސްއާގުޅޭ – ޓެކްސް ޢަދަދު ކަނޑައެޅުން – ލިޔެކިޔުންތައް އޮޑިޓްކޮށް ތަޙްޤީޤުކުރުން - ތިންވަނަ ފަރާތެއް އޮޑިޓްކޮށް ތަޙްޤީޤުކުރުން - ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 32 އަދި 39 ވަނަ މާއްދާ - ޓެކްސް ނެގުމާބެހޭ އިދާރީ ގަވާއިދުގެ 23 ވަނަ މާއްދާ

ފިހުރިސްތު

ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުގެ ރައުޔު 1

ތަޢާރުފު 1

ކަންހިނގާފައިވާ ގޮތް 1

ޓްރައިބިއުނަލުން މައްސަލަ ނިންމި ގޮތް 3

ހައިކޯޓުން މައްސަލަ ނިންމި ގޮތް 3

ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ އިސްތިއުނާފީ ނުކުތާތައް 5

އިސްތިއުނާފީ ނުކުތާތަކުގެ ރައްދު 6

ޝަރީޢަތުން ގޮތެއް ކަނޑައަޅަންޖެހޭ ކަންކަން 8

އިދާރީ ގަވާއިދުގެ 23 ވަނަ މާއްދާ 9

މީރާއަށް ލިބިދީފައިވާ އިޚްތިޔާރެއް ލާޒިމުކޮށްފައި އޮތުމާމެދު 13

ތިންވަނަ ފަރާތް ތަޙްޤީޤު ކުރުން ލާޒިމުކަމާމެދު 14

މައްސަލަ ނިންމަން ފެންނަ ގޮތް 16

ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ ރައުޔު 16

ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރައުޔު 16

ޙުކުމް 16

` މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ ވ. ޢަބްދުﷲ ޝަރީފް [2024] SC 31 ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުގެ ރައުޔު (ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު އަދި ފަނޑިޔާރު ޙުސްނުއްސުޢޫދު ތާއީދު ކުރައްވާފައި)

ތަޢާރުފު

1. މިއީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2018/HC-A/423 ޤަޟިއްޔާ އެ ކޯޓުން ނިންމާފައިވަނީ ޤާނޫނާ އެއްގޮތަށް ނޫންކަމުގައި ބުނެ، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީގެ ފަހުން "މީރާ") ގެ ފަރާތުން އެ ޤަޟިއްޔާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުން ބަލާ މައްސަލައެކެވެ. މި މައްސަލައިގައި އިސްތިއުނާފު ރައްދުވަނީ، ހ. އެރޯމާ، ޢަބްދުﷲ ޝަރީފު1 އަށެވެ.

ކަންހިނގާފައިވާ ގޮތް

2. މީރާއިން 01 އޮކްޓޫބަރު 2014 އިން ފެށިގެން 31 މާޗް 2017 ގެ ނިޔަލަށް ޢަބްދުﷲ ޝަރީފް މުދަލާއި ޚިދުމަތުގެ އަގުން ނެގޭ ޓެކްސް (މީގެ ފަހުން "ޖީ.އެސް.ޓީ") އާ ގުޅޭ ހިސާބުތައް އޮޑިޓްކޮށްފައިވެއެވެ. މި އޮޑިޓަށް ފަހު، ޢަބްދުﷲ ޝަރީފް ޖީ.އެސް.ޓީ ހިސާބުކުރުމުގައި އެއް އިންވޮއިސް ހިމަނާފައި ނުވާކަން މީރާއަށް ފާހަގަވުމުން އިތުރަށް ޖީ.އެސް.ޓީ ދެއްކުމަށް މީރާގެ ނަންބަރު 1010407/NOTA-GST/SMI/2017/04 ނޯޓިސް އޮފް ޓެކްސް އެސެސްމަންޓް މެދުވެރިކޮށް ޢަބްދުﷲ ޝަރީފަށް އެންގިއެވެ.

3. ޢަބްދުﷲ ޝަރީފް ބުނާ ގޮތުން ޓެކްސް ދައްކަންޖެހޭ މުއްދަތުގައި އޭނާގެ ފަރާތުން މީރާއިން ފާހަގަކޮށްފައިވާ ޢަދަދުގެ ޓެކްސް އިންވޮއިސްއެއް އެއްވެސް ފަރާތަކަށް ދޫކޮށްފައި ނުވާނެއެވެ. އަދި އެ ފަދަ އިންވޮއިސްއަކަށް ބިނާކޮށް އެއްވެސް ފަރާތަކުން އެ ޢަދަދުގެ ފައިސާ އޭނާއަށް ލިބިފައިނުވާ ކަމުގައެވެ. އަދި ޓެކްސް ދައްކަންޖެހޭ މުއްދަތުގައި މީރާއަށް ދައްކަންޖެހޭ އެންމެހައި ފައިސާއެއް އޭނާވާނީ މީރާއަށް ދައްކާފައެވެ.

4. އިތުރަށް ދައްކަންޖެހޭ ޓެކުހާބެހޭ ގޮތުން މީރާއިން ފާހަގަ ކޮށްފައިވަނީ، އިތުރަށް ދައްކަންޖެހޭ ޢަދަދު އެ އިދާރާއިން ކަނޑައަޅާފައިވަނީ ޢަބްދުﷲ ޝަރީފް ނިޔާމަ މޯލްޑިވްސްއަށް ދޫކޮށްފައިވާ ކޯޓޭޝަނެއްގެ މައްޗަށް ބިނާކޮށް ކަމުގައްޔާއި، އެ ކޯޓޭޝަނަށް ބިނާކޮށް ޢަބްދުﷲ ޝަރީފަށް ޓެކުހުގެ ފައިސާ ލިބިފައިވާ ކަމުގައެވެ. އެހެން ކަމުން އެ ފައިސާ ޢަބްދުﷲ ޝަރީފް މީރާއަށް ދައްކަންޖެހޭނެ ކަމުގައެވެ.

5. ކަން މިހެން އޮތުމުން، އިތުރަށް ޓެކްސް ދެއްކުމަށް މީރާއިން ޢަބްދުﷲ ޝަރީފަށް އެންގި އެންގުމަށް ޢަބްދުﷲ ޝަރީފް އިޢުތިރާޟުކޮށް އެކަން މީރާއަށް ހުށަހެޅިއެވެ. އެ ހުށަހެޅުމާ ގުޅިގެން މީރާއިން ނިންމާފައިވަނީ، މީރާގެ ނިންމުމަށް ބަދަލު ގެންނަންޖެހޭނެ ތަނެއް ނެތްކަމުގައެވެ. އަދި، މީރާގެ ނަންބަރު IBD-CN/GST/2017/245 (13 ނޮވެމްބަރ 2017) ޖީއެސްޓީ އޮޑިޓް ރިޕޯޓާއި، މީރާގެ ނަންބަރު 1010407/NOTA-GST/SMI/2017/04 (13 ނޮވެމްބަރ 2017) ދައްކަންޖެހޭ ޓެކުހުގެ މިންވަރު އަންގާ އެންގުމާއި، މީރާގެ ނަންބަރު

220-OA/2017/87(28 ފެބްރުއަރީ 2018) އޮބްޖެކްޝަން ރިވިއު ރިޕޯޓާ ޙަވާލާދީ ޖީއެސްޓީގެ ގޮތުގައި 6291/- ރ (ހަ ހާސް ދުއިސައްތަ ނުވަދިހަ އެއް ރުފިޔާ) ދެއްކުމަށް މީރާއިން ޢަބްދުﷲ ޝަރީފަށް އަންގާފައިވެއެވެ.

6. މި ހިސާބުން ޢަބްދުﷲ ޝަރީފު މީރާއަށް ހުށަހެޅި އިޢުތިރާޟާމެދު މީރާއިން ނިންމާފައިވާ ނިންމުމަކީ ޤާނޫނާ ޚިލާފަށް ނިންމާފައިވާ ނިންމުމެއް ކަމުގައި ބަލައި، އެ ނިންމުން ޢަބްދުﷲ ޝަރީފްގެ ފަރާތުން ޓެކްސް އެޕީލް ޓްރައިބިއުނަލަށް ހުށަހެޅިއެވެ.2

ޓްރައިބިއުނަލުން މައްސަލަ ނިންމި ގޮތް

7. މި މައްސަލައިގައި ޢަބްދުﷲ ޝަރީފްގެ ފަރާތުން ޓްރައިބިއުނަލްގައި މައިގަނޑު ދެ ކަމެއް ފާހަގަ ކޮށްފައިވެއެވެ. ފުރަތަމަ ކަމަކީ، މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނުގެ3 17 ވަނަ މާއްދާއަށް ރިޢާޔަތް ކުރާއިރު، ކޯޓޭޝަނަކާ ގުޅިގެން ޓެކްސް ދައްކަން ނުޖެހޭނެކަމެވެ. ދެވަނަ ކަމަކީ، މި މައްސަލައިގައި މީރާއިން އިތުރަށް ޓެކްސް ދެއްކުމަށް އެންގުމަށްޓަކައި ލިޔެކިޔުންތައް ހޯދާފައިވަނީ ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ4 32 ވަނަ މާއްދާއާ ޚިލާފަށް ކަމުގައެވެ.

8. މި އިޝާރާތްކުރި ދެ ނުކުތާއާމެދު ޓްރައިބިއުނަލުން ނިންމާފައިވަނީ ޢަބްދުﷲ ޝަރީފުއާ އެއްކޮޅަށެވެ. މި ފަދައިން ނިންމުމުގައި ކޯޓޭޝަނަކަށް ބިނާކޮށް ޓެކްސް ނުނެގޭނެކަން މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނުގެ 17 ވަނަ މާއްދާއިން އެނގޭކަން ޓްރައިބިއުނަލުން ފާހަގަ ކޮށްފައިވެއެވެ. އަދި މި މައްސަލައިގައި ލިޔެކިޔުންތައް ހޯދުމުގައި ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 32 ވަނަ މާއްދާގައިވާ އުސޫލުން މީރާއިން ޢަމަލުކޮށްފައިނުވާކަން ފާހަގަކޮށްފައިވެއެވެ.

ހައިކޯޓުން މައްސަލަ ނިންމި ގޮތް

9. ޓްރައިބިއުނަލުން ޢަބްދުﷲ ޝަރީފްއާ އެއްކޮޅަށް މައްސަލަ ނިންމުމުން މީރާގެ ފަރާތުން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިވެއެވެ. މި އިސްތިއުނާފުގައި މީރާގެ ފަރާތުން އުސްއަލިކޮށްފައިވަނީ ހަމައެކަނި ޓްރައިބިއުނަލުގެ ނިންމުމުގައި ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 32 ވަނަ މާއްދާއާ ގުޅިގެން ނިންމާފައިވާ ނިންމުމެވެ.

10. މި ނިންމުމާ ގުޅިގެން ހައިކޯޓުގެ ކުރިމަތީގައި އޮތް މައިގަނޑު ސުވާލަކީ، މީރާއިން ކުރާ އޮޑިޓަކާ ގުޅިގެން ޢަދަދެއް ކަނޑައެޅުމުގައި ޓެކްސް ނެގުމާބެހޭ އިދާރީ ގަވާއިދުގެ 23 ވަނަ މާއްދާގެ ދަށުން މީރާގެ އިންޓެލިޖެންސަށް ލިބޭ މަޢުލޫމާތާއި، އެހެން ޓެކްސް ދައްކާ ފަރާތަކުން ހުށަހަޅާފައިވާ ޓެކްސް ބަޔާންތަކާއި އެހެނިހެން ލިޔުންތަކުގައި ހިމެނޭ އޮޑިޓްކުރެވޭ ފަރާތާބެހޭ މަޢުލޫމާތު ހޯދުމަށްޓަކައި ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 32 ވަނަ މާއްދާގެ (ހ) ގެ ދަށުން އެންގުމެއް ފޮނުވަންޖެހޭކަން ނުވަތަ ނޫންކަމެވެ.

11. މި ސުވާލަށް ހައިކޯޓުން ޖަވާބު ދިނުމުގައި ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 32 ވަނަ މާއްދާ އާއި، އެ ޤާނޫނުގެ 39 ވަނަ މާއްދާ އާއި، ޓެކްސް ނެގުމާބެހޭ އިދާރީ ގަވާއިދުގެ 23 ވަނަ މާއްދާ ތަފުސީލުކޮށް ދީފައިވެއެވެ. އަދި މި ތިން މާއްދާގެ ތެރެއިން، އެކި ފަރާތްތަކުން ލިޔެކިޔުންތަކާއި މަޢުލޫމާތު ހޯދުމުގެ އުސޫލުތައް ބަޔާންވެފައިވަނީ ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 32 ވަނަ މާއްދާގައިކަން ހައިކޯޓުން ފާހަގަކޮށްފައިވެއެވެ. އަދި އެ ޤާނޫނުގެ 39 ވަނަ މާއްދާއަކީ، ޓެކުހުގެ ޢަދަދު ކަނޑައެޅުމާބެހޭ މާއްދާއެއްކަމުގައްޔާއި، ޓެކްސް ނެގުމާބެހޭ އިދާރީ ގަވާއިދުގެ 23 ވަނަ މާއްދާގެ ދަށުން ލިސްޓްކުރެވިފައިވާ ކަންތައްތަކަކީ، އިދާރީ ޤާނޫނުގެ 39 ވަނަ މާއްދާގެ ދަށުން ޓެކުހުގެ ޢަދަދު ކަނޑައެޅުމުގައި ރިޔާޔަތް ކުރެވިދާނެ ކަންތައްތަކެއް ކަމުގައި ފާހަގަކޮށްފައިވެއެވެ.

12. މި ކަންކަން ފާހަގަ ކުރުމަށްފަހު، މީރާއިން ކުރާ ތަޙްޤީޤުތަކުގައި ލިބޭ ލިޔުންތަކުގެ ޞައްޙަކަން ކަށަވަރުކުރުމުގެ ގޮތުން ތިންވަނަ ފަރާތަކުން ލިޔުމެއް ހޯދައި ތަޙްޤީޤުގައި ބޭނުންކުރާނަމަ، ޓެކްސް ދައްކާ ފަރާތަށް އެކަން އެނގެން ޖެހޭނެ ކަމުގައްޔާއި، އެ ފަދަ ލިޔުންތައް ހޯދަންޖެހޭނީ ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 32 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އުސޫލުންކަމުގައި ހައިކޯޓުން ނިންމާފައިވެއެވެ.

13. އަދި މި މައްސަލައިގައި މީރާއިން ހުށަހެޅި އިސްތިއުނާފީ ނުކުތާތަކުގެ މައްޗަށް ބިނާކޮށް، ޓްރައިބިއުނަލްގެ ނިންމުމަށް ބަދަލު ގެންނަންޖެހޭ ފަދަ ސަބަބެއް ނެތްކަމުގައި ހައިކޯޓުން މި މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ނިންމާފައިވެއެވެ.

ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ އިސްތިއުނާފީ ނުކުތާތައް

14. މި މައްސަލައިގައި ހައިކޯޓުން ނިންމާފައިވާ ނިންމުން ޤާނޫނާ ޚިލާފު ކަމުގައި ބުނެ އެ ނިންމުން އިސްތިއުނާފު ކުރަމުން މީރާގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވަނީ 03 ނުކުތާއެވެ. އެ ތިން ނުކުތާ ތިރީގައި މިވަނީއެވެ.

14.1- ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 39 ވަނަ މާއްދާގެ ދަށުން އަދަދެއް ކަނޑައެޅުމުގެ ބޭނުމުގައި ގަވާއިދު ނަންބަރު 2013/R-45 (ޓެކްސް ނެގުމާބެހޭ އިދާރީ ގަވާއިދު) ގެ 23 ވަނަ މާއްދާ ގެ ދަށުން ރިޢާޔަތްކުރެވިދާނެ ކަންކަން ބަޔާންކޮށްފައިވާއިރު، އެ މާއްދާ ތަތުބީޤުކުރުމުގައި އެ މާއްދާގައި ނުހިމެނޭ ކަންކަން ހިމަނަންވާނެ ކަމަށް ހައިކޯޓުން ނިންމާފައިވަނީ ޓެކްސް ނެގުމާބެހޭ އިދާރީ ގަވާއިދުގެ 23 ވަނަ މާއްދާއާ ޚިލާފަށްކަން.

14.2- މި މައްސަލަ ނިންމުމުގައި، ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 39 ވަނަ މާއްދާގެ ދަށުން އަދަދެއް ކަނޑައެޅޭނީ ދެ ފަރާތުގެ ހިސާބުތަކާއި ލިޔެކިޔުންތައް އޮޑިޓްކޮށް، ތަޙްޤީޤެއް ވެސް ހިންގުމަށްފަހުކަމަށް ބަޔާންކޮށް ހައިކޯޓުން މައްސަލަ ނިންމާފައިވަނީ ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 39 ވަނަ މާއްދާގެ މާނަ ފުޅާކޮށް، މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނުގެ 3 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ އުސޫލާ ޚިލާފަށްކަން.

14.3- ހައިކޯޓުގެ ނިންމުމުގައި، ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުން އިޚްތިޔާރަކަށް ދޫކޮށްލާފައިވާ ކަމެއް، ކުރުމަށް ލާޒިމުކޮށްފައިވުމަކީ މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނުގެ 37 ވަނަ މާއްދާގެ (ހ) ގައި ކަނޑައަޅާފައިވާ އުޞޫލާ ޚިލާފަށް އެ ކޯޓުން ނިންމާފައިވާ ނިންމުމެއްކަން.

15. މި ނުކުތާތައް ހުށަހެޅުމަށް ފަހު، މީރާގެ ފަރާތުން އެދިފައިވަނީ ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 39 ވަނަ މާއްދާގެ ދަށުން އަދަދެއް ކަނޑައެޅުމުގެ ބޭނުމުގައި ޓެކްސް ނެގުމާބެހޭ އިދާރީ ގަވާއިދު ގެ 23 ވަނަ މާއްދާ ތަތުބީޤުކުރުމުގައި އެ މާއްދާގައި ނުހިމެނޭ ކަންކަން ހިމަނަންވާނެކަމަށް ކަނޑައަޅާ ހައިކޯޓު ނަންބަރު 2018/HC-A/423 ޤަޟިއްޔާއިން ނިންމާފައިވަނީ ޓެކްސް ނެގުމާބެހޭ އިދާރީ ގަވާއިދުގެ 23 ވަނަ މާއްދާއާ ޚިލާފަށްކަމަށާއި، ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 39 ވަނަ މާއްދާގެ ދަށުން އަދަދެއް ކަނޑައެޅޭނީ ދެފަރާތުގެ ހިސާބުތަކާއި ލިޔެކިޔުންތައް އޮޑިޓްކޮށް، ތަޙްޤީޤެއްވެސް ހިންގުމަށްފަހުކަމަށް ބަޔާންކޮށް މައްސަލަ ނިންމާފައިވަނީ އެ މާއްދާގެ މާނަ ފުޅާކޮށް، މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނުގެ 3 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ އުސޫލާ ޚިލާފަށްކަމަށާއި، ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުން އިޚްތިޔާރީ ބާރަކަށް ދޫކޮށްލައިފައިވާ ކަމެއް ކުރުމަށް ލާޒިމްކޮށްފައިވުމަކީ މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނުގެ 37 ވަނަ މާއްދާގެ (ހ) ގައި ކަނޑައަޅާފައިވާ އުޞޫލާ ޚިލާފަށް ނިންމާފައިވާ ނިންމުމެއް ކަމަށް ކަނޑައަޅައި ދިނުމުގެ އިތުރުން މީރާއާ ދެކޮޅަށް ސުޕްރީމް ކޯޓުން މި މައްސަލަ ނިންމި ކަމުގައިވީ ނަމަވެސް ކުރިއަށް ހިނގާ އޮޑިޓްތަކުގައި ހައިކޯޓުގެ ނިންމުން ތަތުބީޤު ކުރެވޭނެ ކަމަށް ނިންމައި އަދި ނިމިފަ ހުރި އޮޑިޓްތަކަށް ހައިކޯޓުގެ ނިންމުން ތަތުބީޤު ނުވާނެ ގޮތަށް މި މައްސަލަ ނިންމައި ދިނުމަށެވެ.

އިސްތިއުނާފީ ނުކުތާތަކުގެ ރައްދު

16. މީރާއިން ހުށަހެޅި އިސްތިއުނާފީ ނުކުތާތަކުގެ ރައްދުގައި ޢަބްދުﷲ ޝަރީފްގެ ފަރާތުން އަންނަނިވި ކަންކަން ހުށަހަޅާފައިވެއެވެ.

17. އިސްތިއުނާފީ ފުރަތަމަ ނުކުތާ އާއި ތިންވަނަ ނުކުތާގެ ރައްދުގައި ޢަބްދުﷲ ޝަރީފްގެ ފަރާތުން ފާހަގަ ކޮށްފައިވަނީ، އިދާރީ ޤާނޫނުގެ 39 ވަނަ މާއްދާއިން ޓެކުހުގެ ޢަދަދެއް ކަނޑައެޅުމުގެ ބާރު މީރާއަށް ލިބުނު ނަމަވެސް، އެ ޢަދަދު ކަނޑައެޅުމަށް ބޭނުންވާ މަޢުލޫމާތު ހޯދުމުގައި ޢަމަލު ކުރަންޖެހޭ އުސޫލު ބަޔާން ކޮށްފައިވަނީ، އެ ޤާނޫނުގެ 32 ވަނަ މާއްދާގައި ކަމުގައެވެ. އަދި އިދާރީ ގަވާއިދުގެ 23 ވަނަ މާއްދާގެ ދަށުން މީރާއަށް މަޢުލޫމާތެއް ލިބުނު ނަމަވެސް، އެ މަޢުލޫމާތަކީ ތިންވަނަ ފަރާތަކަށް ނިސްބަތްވާ ނުވަތަ ތިންވަނަ ފަރާތަކުން ހުށަހަޅާފައިވާ މައުލޫމާތެއް ނަމަ، އެސެސްމަންޓެއް ހެދުމަށް އެ މައުލޫމާތެއް ބޭނުން ކުރުމުގެ ކުރިން އިދާރީ ޤާނޫނުގެ 32 ވަނަ މާއްދާގައިވާ އުސޫލުގެ ދަށުން އެ މައުލޫމާތެއް ހޯދަންޖެހޭނެ ކަމުގައެވެ. އަދި މިފަދައިން މަޢުލޫމާތު ހޯދާފައިނުވާ ނަމަ، އިދާރީ ޤާނޫނުގެ 32 ވަނަ މާއްދާގެ ބޭނުމެއް ޓެކްސް ދައްކާ ފަރާތަށް ނުހިފޭނެ ކަމުގައްޔާއި މި މައްސަލައިގައި ކަން ހިނގާފައިވަނީ އެ ގޮތަށް ކަމުގައި ޢަބްދުﷲ ޝަރީފްގެ ފަރާތުން ފާހަގަ ކޮށްފައިވެއެވެ. އަދި މި ނުކުތާގައި ހައިކޯޓުގެ ނިންމުން ޤާނޫނާ އެއްގޮތް ކަމުގައި ޢަބްދުﷲ ޝަރީފްގެ ފަރާތުން ފާހަގަ ކުރެއެވެ.

18. މީގެ އިތުރަށް އިދާރީ ގަވާއިދުގެ 23 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ވަކި "ވަސީލަތެއް" އިޚްތިޔާރު ކުރުމަށް ހައިކޯޓުން މީރާއަށް ލާޒިމު ކޮށްފައިނުވާ ކަމުގައްޔާއި، މީރާއިން އިޚްތިޔާރު ކުރާ ވަސީލަތެއްގެ ސަބަބުން ޤާނޫނުގައިވާ ވަކި އިޖުރާއަތެއް ފުރިހަމަކުރަން ލާޒިމުވުމަކީ، މީރާއަށް ލިބިދީފައިވާ އިޚްތިޔާރުތަކަށް ހަނިކަމެއް އަންނަ ކަމެއް ނޫންކަމުގައި ޢަބްދުﷲ ޝަރީފްގެ ފަރާތުން ފާހަގަ ކޮށްފައިވެއެވެ. އަދި މި ސަބަބަށްޓަކައި، ހައިކޯޓުގެ ނިންމުން މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނުގެ 37 ވަނަ މާއްދާއާ ޚިލާފު ކަމުގައި މީރާއިން ބުނާ ބުނުމުގައި އަސާސެއް ނެތްކަމުގައި ޢަބްދުﷲ ޝަރީފްގެ ފަރާތުން ފާހަގަ ކުރެއެވެ.

19. އިސްތިއުނާފީ ދެވަނަ ނުކުތާގައި މީރާއިން ފާހަގަ ކޮށްފައިވާ ކަންކަމަށް ޢަބްދުﷲ ޝަރީފްގެ ފަރާތުން ތާއީދު ކުރެއެވެ. މި ގޮތުން ޓެކްސް ދައްކާ ފަރާތުގެ އޮޑިޓެއް ކުރުމުގެ ތެރެއިން އިތުރު ތިންވަނަ ފަރާތެއްގެ ކިބައިން މައުލޫމާތު ހޯދާ ނަމަ، އެ ތިންވަނަ ފަރާތުގެ އޮޑިޓެއް ކުރުން ޤާނޫނު ލާޒިމު ނުކުރާކަން ޢަބްދުﷲ ޝަރީފްގެ ފަރާތުން ފާހަގަ ކުރެއެވެ. މިކަން އިދާރީ ޤާނޫނުގެ 32 ވަނަ މާއްދާގެ (ހ) ގެ ނައްޞުން އެނގޭ ކަމުގައްޔާއި، އެ އަކުރުގައި ތިންވަނަ ފަރާތަކީ ޓެކްސް ދައްކާ ފަރާތެއް ކަމުގައި ބަޔާންކޮށް އެ ފަދައިން ގައިދުކޮށްފައި ނުވާކަން ޢަބްދުﷲ ޝަރީފްގެ ފަރާތުން ފާހަގަ ކުރެއެވެ.

20. މި ކަންކަން ފާހަގަ ކުރުމަށްފަހު، ޢަބްދުﷲ ޝަރީފްގެ ފަރާތުން އެދިފައިވަނީ، އިދާރީ ޤާނޫނުގެ 32 ވަނަ މާއްދާއާ ޙަވާލާދީ ތިންވަނަ ފަރާތް އޮޑިޓްކުރުން ލާޒިމުވާ ގޮތަށް ހައިކޯޓުން ނިންމާފައިވާ ނިންމުން ބާޠިލުކޮށް، އެ ނިންމުން ފިޔަވައި ހައިކޯޓުގެ ޤަޟިއްޔާގައި ނިންމާފައިވާ އެހެނިހެން ނިންމުންތަކަށް ތާއީދުކޮށް މައްސަލަ ނިންމައި ދިނުމަށެވެ.

ޝަރީޢަތުން ގޮތެއް ކަނޑައަޅަންޖެހޭ ކަންކަން

21. މި މައްސަލައަށް ބަލާއިރު، އިސްތިއުނާފީ ނުކުތާތަކުގައި ޚަޞްމުންގެ މެދުގައި ޚުޞޫމަތެއް އޮތީ އިސްތިއުނާފީ ފުރަތަމަ ނުކުތާ އާއި ތިންވަނަ ނުކުތާއާ މެދުގައެވެ. މި ދެ ނުކުތާއަށް ބަލާއިރު، ޝަރީޢަތުން ގޮތެއް ކަނޑައަޅަންޖެހޭ ފުރަތަމަ ކަމަކީ، ހައިކޯޓުގެ ނިންމުން ޓެކްސް ނެގުމާބެހޭ އިދާރީ ގަވާއިދުގެ 23 ވަނަ މާއްދާއާ ޚިލާފުކަން ނުވަތަ ނޫންކަމެވެ. ދެވަނަ ކަމަކީ، އެ ގަވާއިދުގެ 23 ވަނަ މާއްދާއިން މީރާއަށް ލިބިގެންވާ އިޚްތިޔާރެއް، ހައިކޯޓުގެ ނިންމުމުގެ ސަބަބުން އެ އިދާރާގެ މައްޗަށް ލާޒިމު ކަމަކަށް ބަދަލުވެފައިވާކަން ނުވަތަ ނޫންކަމެވެ.

22. ޚަޞްމުންގެ މެދުގައި ދެބަސްވުމެއް ނެތް ނަމަވެސް، އިސްތިއުނާފީ ދެވަނަ ނުކުތާއާމެދު ޝަރީޢަތުން ގޮތެއް ކަނޑައަޅަންޖެހޭ ކަމުގައި ދެކެމެވެ. މި ގޮތުން އިދާރީ ޤާނޫނުގެ 32 ވަނަ މާއްދާގެ (ހ) ގެ ބޭނުމަށް އެ އަކުރުގައި އިޝާރާތް ކޮށްފައިވާ "އެހެން ފަރާތެއްގެ" (ތިންވަނަ ފަރާތް) އޮޑިޓްކޮށް ތަޙްޤީޤެއް ހިންގަންޖެހޭ ގޮތަށް ހައިކޯޓުން ނިންމާފައިވާ ނިންމުމާމެދު ވެސް ގޮތެއް ކަނޑައަޅަންޖެހޭނެ ކަމުގައި ދެކެމެވެ.

އިދާރީ ގަވާއިދުގެ 23 ވަނަ މާއްދާ

23. އިސްތިއުނާފީ ފުރަތަމަ ނުކުތާގެ ތަފުސީލުގައި މީރާއިން ދައްކާފައިވާ ވާހަކަތަކަށް ބަލާއިރު، މައިގަނޑު ގޮތެއްގައި މީރާއިން ފާހަގަ ކުރަނީ އިދާރީ ގަވާއިދުގެ 23 ވަނަ މާއްދާގެ ދަށުން އެ އިދާރާއިން މަޢުލޫމާތު ހޯދުމުގައި، އަދި އެ މަޢުލޫމާތުގެ މައްޗަށް ބިނާކޮށް ޓެކުހުގެ ޢަދަދެއް ކަނޑައެޅުމުގައި އިދާރީ ޤާނޫނުގެ 32 ވަނަ މާއްދާގެ (ހ) ގައިވާ އިޖުރާއަތަށް ޢަމަލު ކުރުން ލާޒިމު ނުވާނެ ކަމުގައެވެ. ސަބަބަކީ އިދާރީ ޤާނޫނުގެ 32 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ އެ ޤާނޫނުގެ 30 ވަނަ މާއްދާގެ ދަށުން އޮޑިޓެއް ކުރުމަށް ފެއްޓުމަށްފަހު އެ އޮޑިޓް ފުރިހަމަ ކުރުމުގައި މީރާއަށް ބޭނުން ކުރެވިދާނެ އިޚްތިޔާރެއްގެ ވާހަކަ ކަމުގައި މީރާއިން ބުނެއެވެ. އަދި އިދާރީ ޤާނޫނުގެ 32 ވަނަ މާއްދާއިން ލިބޭ އިޚްތިޔާރުގެ ބޭނުން މީރާއިން ހިފާނީ، ކުރިއަށްދާ އޮޑިޓެއްގައި ތިންވަނަ ފަރާތެއްގެ އަތުން މަޢުލޫމާތެއް ހޯދަންވެއްޖެ ހިނދެއްގައި، އެ ހާލަތުގައި ކަމަށާއި، އެއީ ތިންވަނަ ފަރާތަކުން މީރާއަށް ހުށަހަޅާފައިވާ ޓެކްސް ބަޔާނެއް ނުވަތަ ލިޔުމެއްގައިވާ މަޢުލޫމާތު މީރާއިން ކުރިއަށް ގެންދާ އޮޑިޓެއްގައި ބޭނުންކުރާ ހާލަތުގައި ބޭނުންހިފަންޖެހޭ އިޚްތިޔާރެއް ނޫންކަމުގައި މީރާއިން ބުނެއެވެ.

24. ކުރިން އިޝާރާތްކުރި ފަދައިން ޢަބްދުﷲ ޝަރީފްގެ ފަރާތުން މި ނުކުތާގައި ފާހަގަކޮށްފައިވަނީ، އިދާރީ ގަވާއިދުގެ 23 ވަނަ މާއްދާއަކީ މަޢުލޫމާތު ހޯދުމުގައި ޢަމަލު ކުރުމަށް އޮތް އިޖުރާއަތު ބަޔާންކޮށްފައިވާ މާއްދާއެއް ނޫންކަމުގައްޔާއި، އެ އިޖުރާއަތު އޮތީ ހަމައެކަނި އިދާރީ ޤާނޫނުގެ 32 ވަނަ މާއްދާގައި ކަމުގައެވެ.

25. މި މައްސަލައިގައި ވާހަކަ ދެކެވޭ ޤާނޫނީ މާއްދާތަކުގެ ތެއިން އިދާރީ ޤާނޫނުގެ 32 ވަނަ މާއްދާގެ (ހ) ގައި އޮތީ އަންނަނިވި ޢިބާރާތެވެ.

މި މާއްދާގައިވާ ގޮތުގެމަތިން އެއްވެސް ފަރާތަކުން ދައްކަންޖެހޭ ޓެކްސްގެ މިންވަރާމެދު މަޢުލޫމާތު ހޯދުމަށް އަންގާ އެންގުން އެފަރާތަކަށް (ޓެކްސް ދައްކާ ފަރާތަށް) ފޮނުވާފައި ވަނިކޮށް، މީރާ އިން އެކަމާއިގުޅޭ މަޢުލޫމާތު ހޯދުމުގެ ބޭނުމުގައި އެންގުމަކުން އެމަޢުލޫމާތު އެހެން ފަރާތެއްގެ އަތުން ފޯރުކޮށްދިނުމަށް އެންގިދާނެއެވެ. ނުވަތަ އެއެންގުން ފޮނުވުނު ފަރާތް އިއުތިރާޒު ކުރާނަމަ އެފަރާތުގެ އަތުގައި ހުރި ނުވަތަ އެފަރާތުގެ ބާރުގެ ދަށުގައިވާ ލިޔެކިއުންތައް ބަލާފާސްކުރެވިދާނެއެވެ. އަދި (މީރާ އަށް ފެންނަ ޙާލަތެއްގައި) އެފަދަ ލިޔެކިއުންތަކުގައިވާ ނުވަތަ ވެދާނެ މަޢުލޫމާތަކީ މިހާރު ދައްކަންޖެހޭ ޓެކްސްގެ މިންވަރާއި ނުވަތަ މާކުރިން ދައްކަންޖެހިފައިވާ ނުވަތަ ދައްކަންޖެހޭ ޓެކްސް ފަދަ އެހެން ޢަދަދަކާއި ގުޅުންހުރި މަޢުލޫމާތުތަކެއް ކަމަށްވާނަމަ އެމަޢުލޫމާތުތައް މީރާ އަށް ފޮނުވުމަށް އެންގިދާނެއެވެ.

26. އަދި އިދާރީ ޤާނޫނުގެ 39 ވަނަ މާއްދާގެ (ހ) ގައި އޮތީ އަންނަނިވި ޢިބާރާތެވެ.

މީރާއިން ޓެކްސް ދައްކާ ފަރާތެއްގެ ހިސާބުތަކާއި ލިޔެކިޔުންތައް އޮޑިޓްކުރުމަށްފަހު، ނުވަތަ ތަޙްޤީޤެއް ހިންގުމަށްފަހު، އެކަމުގައި ފާހަގަކުރެވުނު ނުކުތާތަކުގެ މައްޗަށް ބިނާކޮށް، އެ ފަރާތުން އެ މުއްދަތުގައި ދައްކަންޖެހޭ ޓެކްސްގެ ޢަދަދު މީރާއަށް ކަނޑައެޅިދާނެއެވެ. އެގޮތުން ކަނޑައަޅާ ކަނޑައެޅުމަށް މި ޤާނޫނުގައި ޙަވާލާދޭނީ "މީރާއިން ކަނޑައަޅާ ޢަދަދު" މިފަދައިންނެވެ.

27. އަދި މި މައްސަލައިގައި ބަހުސްކުރެވޭ އިދާރީ ގަވާއިދުގެ 23 ވަނަ މާއްދާގެ (ހ) ގައި އޮތީ އަންނަނިވި ޢިބާރާތެވެ.

(ހ) ޤާނޫނުގެ 39 ވަނަ މާއްދާގެ (ހ) ގެ ދަށުން މީރާއިން ޢަދަދެއް ކަނޑައެޅުމުގައި ރިޢާޔަތް ކުރެވިދާނެ ކަންތައްތަކުގެ ތެރޭގައި އަންނަނިވި ކަންކަން ހިމެނެއެވެ. 1. އެ ފަރާތުން ފޯރުވައިދޭ ނުވަތަ އެ ފަރާތުން ގަންނަ މުދަލާއި ޚިދުމަތާ އެއްފަދަ އެހެން މުދަލާއި ޚިދުމަތުގެ ބާޒާރުގެ އަގު

2. އޮޑިޓްކުރާ މުއްދަތު ދިމާވާ، ފާއިތުވި އަހަރުތަކުގެ މުއްދަތުތަކުގައި އެ ފަރާތުން ފޯރުކޮށްދީފައިވާ ނުވަތަ އެ ފަރާތުން ގަނެފައިވާ މުދަލާއި ޚިދުމަތާ އެއްފަދަ މުދަލާއި ޚިދުމަތުގެ އެވްރެޖް އަގު

3. އެ ފަރާތުން ފޯރުވައިދޭ ނުވަތަ ގަންނަ މުދަލާއި ޚިދުމަތާ އެއްފަދަ އެހެން މުދަލާއި ޚިދުމަތުގެ އެހެން ގައުމުތަކުގެ އެވްރެޖް އަގު

4. ފާއިތުވި އަހަރުތަކުގައި އެ ފަރާތަކުން ދައްކައިފައިވާ ނުވަތަ ދައްކަން ޖެހިފައިވާ ޓެކުހުގެ ޢަދަދު

5. އެ ފަރާތުން ކުރާ ވިޔަފާރި ނިސްބަތްވާ ޞިނާޢަތެއްގައި ހިމެނޭ އެ ގިންތީގެ އެހެން ޓެކްސް ދައްކާ ފަރާތްތަކުން އެ މުއްދަތުގައި ދައްކައިފައިވާ ނުވަތަ ދައްކަންޖެހޭ ޓެކުހުގެ އެވްރެޖް

6. މީރާގެ ޓެކްސް އިންޓެލިޖެންސަށް ނުވަތަ ދައުލަތުގެ އެހެން އިދާރާތަކަށް ލިބޭ މަޢުލޫމާތު

7. އެހެން ޓެކްސް ދައްކާ ފަރާތަކުން ހުށަހަޅައިފައިވާ ޓެކްސް ބަޔާންތަކާ އެހެނިހެން ލިޔުންތަކުގައި ހިމެނޭ އޮޑިޓްކުރެވޭ ފަރާތާބެހޭ މަޢުލޫމާތު 28. މަތީގައި މި އިޝާރާތްކުރި ޤާނޫނީ މާއްދާތަކަށް ބަލާއިރު، އިދާރީ ޤާނޫނުގެ 32 ވަނަ މާއްދާ އާއި 39 ވަނަ މާއްދާއަކީ، އެ ޤާނޫނުގެ "އޮޑިޓްކުރުމާއި ތަޙްޤީޤުކުރުމުގެ ބާބު" ނުވަތަ ތިންވަނަ ބާބުގައި ބަޔާންވެފައިވާ ދެ މާއްދާއެވެ. އެހެން ނަމަވެސް މި ދެ މާއްދާގައި ބަޔާންވެފައިވަނީ ދެ ވާހަކައެކެވެ. 32 ވަނަ މާއްދާ އެއްކޮށް ކިޔުމުން އެ މާއްދާއަކީ ޓެކުހުގެ މިންވަރު ކަނޑައެޅުމުގައި އެހެނިހެން ފަރާތްތަކުން މައުލޫމާތާއި ލިޔެކިޔުންތައް ހޯދުމުގެ އުސޫލުތައް ބަޔާންކޮށްފައިވާ މާއްދާކަން އެ މާއްދާގެ (ހ) އިން ފެށިގެން (ރ) ގެ ނިޔަލަށް ލިޔެފައިވާ އުސޫލުތަކުން ސާފުކޮށް އެނގެއެވެ.

29. އިދާރީ ޤާނޫނުގެ 39 ވަނަ މާއްދާއަށް ބަލާއިރު، މާއްދާގެ އަރިމަތީ ސުރުޚީގައި އޮތީ "މީރާއިން ޓެކުހުގެ ޢަދަދު ކަނޑައެޅުން" މި ފަދައިންނެވެ. އެ މާއްދާގެ (ހ) ގައި ބުނެފައިވަނީ ޓެކްސް ދައްކާ ފަރާތެއްގެ ހިސާބުތަކާއި ލިޔުންތައް އޮޑިޓް ކުރުމަށްފަހު ނުވަތަ ތަޙްޤީޤު ކުރުމަށްފަހު އެ ފަރާތުން ދައްކަންޖެހޭ ޓެކުހުގެ މިންވަރު މީރާއަށް ކަނޑައެޅިދާނެ ކަމުގައެވެ. (ށ) ގައި އޮތީ އެ ފަދައިން ޢަދަދެއް ކަނޑައަޅައިފިނަމަ، އެ ކަނޑައެޅުން ނިސްބަތްވާ ފަރާތަށް ލިޔުމުން އެކަން އަންގަންޖެހޭނެ ވާހަކައެވެ. އަދި (ނ) ގައި އޮތީ އެ ފަދައިން އަންގާ ލިޔުމުގައި ހިމެނޭނެ ކަންކަމެވެ.

30. ބާކީ އޮތީ އިދާރީ ގަވާއިދުގެ 23 ވަނަ މާއްދާއެވެ. އެ މާއްދާ ފެށިގެން އަންނަނީ އިދާރީ ޤާނޫނުގެ 39 ވަނަ މާއްދާ؛ މީރާއިން ޓެކުހުގެ ޢަދަދު ކަނޑައެޅުމާ ގުޅޭ މާއްދާއާ ޙަވާލާދެމުންނެވެ. އެ ގޮތުން އެ މާއްދާގެ (ހ) ގެ ފަހަތުގައި ބަޔާންކޮށްފައިވާ 07 ނަންބަރުގައި އޮތީ ޢަދަދު ކަނޑައެޅުމުގައި ރިޢާޔަތް ކުރެވިދާނެ ކަންކަމެވެ.

31. މަތީގައި ބަޔާންކުރި ތިން މާއްދާގެ ތެރެއިން ލިޔެކިޔުންތަކާއި މަޢުލޫމާތު ހޯދުމުގައި ޢަމަލު ކުރަންޖެހޭ އިޖުރާއަތެއް ބަޔާންވެފައިވަނީ ހަމައެކަނި އިދާރީ ޤާނޫނުގެ 32 ވަނަ މާއްދާގައެވެ. ކަން މިހެން އޮތުމުން ޓެކުހުގެ ޢަދަދު ކަނޑައެޅުމުގައި ޤާނޫނީ ގޮތުން މީރާއަށް ރިޢާޔަތް ކުރެވިދާނެ ލިޔުމެއް ނުވަތަ މަޢުލޫމާތެއް ހޯދުމުގައި ޢަމަލުކުރަންޖެހޭ އިޖުރާއަތަކީ ޤާނޫނުގެ 32 ވަނަ މާއްދާގައިވާ އިޖުރާއަތުކަން ސާފެވެ. މި އިޖުރާއަތަށް ޢަމަލު ކުރުމުގެ ސަބަބުން ލިޔުން ހޯދޭ ތިންވަނަ ފަރާތަށް އެ ލިޔުން މީރާއިން ހޯދަނީ ކޮން ބޭނުމަކުކަމާއި، ކޮން ފަރާތަކުން ދައްކަންޖެހޭ ޓެކުހަކާއި ގުޅިގެންކަން ފަދަ މުހިންމު މައުލޫމާތުތަކެއް އެނގި އެ މައުލޫމާތު ފޯރުކޮށްދިނުމަށް ފަސޭހަތަކެއް ލިބިގެންދާނެއެވެ.

32. ކަން މިހެން އޮތުމުން މި މައްސަލަ ހައިކޯޓުން ނިންމާފައިވަނީ އިދާރީ ގަވާއިދުގެ 23 ވަނަ މާއްދާއާ ޚިލާފަށް ކަމަށާއި، އެ މާއްދާގެ ދަށުން އެ އިދާރާއިން މަޢުލޫމާތު ހޯދުމުގައި، އަދި އެ މަޢުލޫމާތުގެ މައްޗަށް ބިނާކޮށް ޓެކުހުގެ ޢަދަދެއް ކަނޑައެޅުމުގައި އިދާރީ ޤާނޫނުގެ 32 ވަނަ މާއްދާގެ (ހ) ގައިވާ އިޖުރާއަތަށް ޢަމަލު ކުރުން ލާޒިމު ނުވާނެކަމުގައި ބުނާ ބުނުމަކީ ޤާނޫނީ ގޮތުން އެ ބުނުމަށް ބާރެއްލިބޭ ބުނުމެއްކަމުގައި އަހުރެން ނުދެކެމެވެ. އެ އަށްވުރެ ކުރިން އިޝާރާތްކުރި އިދާރީ ޤާނޫނުގެ 32 ވަނަ މާއްދާއާއި 39 ވަނަ މާއްދާ އަދި އިދާރީ ގަވާއިދުގެ 23 ވަނަ މާއްދާގެ ޢިބާރާތް ޞަރީޙަވެފައި ސާފެވެ. އަދި މި މައްސަލައިގައިވާ ފަދައިން ޓެކްސް ދައްކާ ފަރާތެއް އޮޑިޓްކުރުމުގެ ތެރޭގައި މީރާއަށް ލިބޭ އެހެން ފަރާތެއްގެ މައުލޫމާތު އިދާރީ ގަވާއިދުގެ 23 ވަނަ މާއްދާގެ ދަށުން ޓެކުހުގެ ޢަދަދެއް ކަނޑައެޅުމަށް މީރާއިން ބޭނުންކުރާ ނަމަ، އިދާރީ ޤާނޫނުގެ ތިންވަނަ ބާބުގައި ބުނާ އިޖުރާއަތުތަކުގެ ދަށުން އެ މައުލޫމާތު އެ ފަރާތުގެ ކިބައިން ހޯދުމަށް ފަހު މެނުވީ އެ މައޫލޫމާތުގެ މައްޗަށް ބިނާކޮށް ޓެކްސް ދެއްކުމަށް އެންގިދާނެ ކަމުގައި ގަބޫލެއް ނުކުރެވެއެވެ. ސަބަބަކީ ގަވާއިދުގެ 23 ވަނަ މާއްދާގައިވާ ކަންކަމަކީ ޤާނޫނުގެ ތިންވަނަ ބާބުގައި ބުނާ އިޖުރާއަތުތައް ތަންފީޒުކުރުމަށް މަގުފަހިކޮށްދޭ ވަސީލަތްތަކެއް ކަމުގައިވާއިރު، ޓެކްސް ދައްކާ ފަރާތެއް އޮޑިޓު ނުވަތަ ތަޙްޤީޤުކުރުމަށް ފަހު އަދަދު ކަނޑައެޅުމަށް ޤާނޫނުގެ 39 ގައި އޮންނައިރު، ޤާނޫނުގައި ބަޔާންކުރާ އޮޑިޓު ނުވަތަ ތަހްގީގުގެ އިޖުރާއަތުގެ ބޭރުން ހަމައެކަނި މީރާއަށް ފެނުނު ލިޔުމެއްގެ މައްޗަށް ބިނާކޮށް ޓެކުހުގެ އަދަދު ކަނޑައެޅިދާނެ ކަމަށް އިދާރީ ގަވާއިދުގެ 23 ވަނަ މާއްދާ މާނަކުރަންވެއްޖެ ނަމަ، ޤާނޫނުގައި ބަޔާންކުރާ އިޖުރާއަތަށްވުރެ ތަނަވަސް މާނައެއް ގަވާއިދަށް ދެވެއެވެ. ޤާނޫނުގެ މައްޗަށް ގަވާއިދަށް އިސްކަން ދެވެއެވެ. މިއީ ޤާނޫނު މާނަކުރުމުގެ އުސޫލެއް ނޫނެވެ.

33. ޓެކްސް ދައްކާ ފަރާތްތައް އޮޑިޓްކުރުމާއި ތަޙްޤީޤު ކުރުމާއި، އަދި މި ކަންކަން ކުރުމަށްޓައި އެކި ފަރާތްތަކުން ހޯދަންޖެހޭ ލިޔުންތައް ހޯދުމާއި، އަންގަންޖެހޭ އެންގުންތައް އެންގުން ފަދަ އިޖުރާއަތުގެ ބޭނުމަކީ، ދެފުށް ފެންނަ ދުރާލައި އެކަށައެޅިފައިވާ ޤާނޫނީ އިންތިޒާމެއްގެ ތެރެއިން މި އެންމެހައި ކަންކަން ކުރެވިގެން ދިއުމެވެ. މިފަދަ ކަންކަން ތަންފީޒު ކުރުމަށް ޤާނޫނުން ބާރުދީފައިވާ އިދާރާއިން ބޭނުން ގޮތަކަށް، އެ އިދާރާއަށް ފަހި، ލުއި ގޮތަށް އިޖުރާއަތު ބައްޓަންކޮށްގެން މިފަދަ ކަންކަން ކުރުމެއް ނޫނެވެ.

34. ވުމާއެކު، މީރާގެ ފަރާތުން ފާހަގަ ކޮށްފައިވާ ކަންކަމުގެ އަލީގައި މި ނުކުތާގައި ހައިކޯޓުން ނިންމާފައިވާ ނިންމުމަށް ބަދަލު ގެންނަންޖެހޭނެ ތަނެއް އޮތްކަމުގައި ނުދެކެމެވެ.

މީރާއަށް ލިބިދީފައިވާ އިޚްތިޔާރެއް ލާޒިމުކޮށްފައި އޮތުމާމެދު

35. އިސްތިއުނާފީ ތިންވަނަ ނުކުތާގައި މީރާއިން ފާހަގަ ކޮށްފައިވަނީ ހައިކޯޓުގެ ނިންމުމުގެ 16 ވަނަ ޕެރެގްރާފުގައި އިދާރީ ޤާނޫނުގެ 39 ވަނަ މާއްދާގެ ދަށުން އޮޑިޓެއް ކުރުމަށްފަހު، ޢަދަދު ކަނޑައެޅުމުގެ ބޭނުމަށް އިދާރީ ގަވާއިދުގެ 23 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މައުލޫމާތެއް ހޯދާނަމަ، އެ މައުލޫމާތުގެ ޞައްޙަކަން ކަށަވަރު ކުރުމަށް އިދާރީ ޤާނޫނުގެ 32 ވަނަ މާއްދާގެ ދަށުން އެންގުމެއް ފޮނުވަން ހައިކޯޓުން ލާޒިމުކޮށްފައިވާ ކަމުގައެވެ. މިއީ މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނުގެ 37 ވަނަ މާއްދާގެ (ހ) އާ ޚިލާފު ކަމެއް ކަމުގައެވެ.

36. މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނުގެ 37 ވަނަ މާއްދާގެ (ހ) ގައި އޮތީ، " ޤާނޫނެއްގައި، ވަކިގޮތަކަށް ޢަމަލުކުރަންވާނެކަމަށް ކަނޑައެޅިގެން ބަޔާންކޮށްފައިވާނަމަ، އެއީ، އެ ޤާނޫނުން އުފައްދާ ބަރީޢަވުމެއްނެތް ވާޖިބެއް ނުވަތަ އިލްތިޒާމެއްކަމުގައި ބަލަންވާނެއެވެ. އަދި ވަކިކަމެއް ކުރެވިދާނެކަމަށް ބަޔާންކޮށްފައިވާނަމަ، އެކަމަކީ އެކަމެއްކުރުމުގައި ލާޒިމުކަމެއްނެތް، އެހެންނަމަވެސް އެކަމެއްކުރުމާއި ނުކުރުމުގައި އިޚުތިޔާރުއޮތް ހުއްދަކަމެއްކަމުގައި ބަލަންވާނެއެވެ." މި ފަދައިންނެވެ.

37. ހައިކޯޓުގެ ނިންމުމުގެ 16 ވަނަ ޕެރެގްރާފަށް ބަލާއިރު، އެ ޕެރެގްރާފުގައި އިދާރީ ގަވާއިދުގެ 23 ވަނަ މާއްދާގެ ދަށުން ލިބޭ މައުލޫމާތު ކަށަވަރު ކުރެވޭނީ އިދާރީ ޤާނޫނުގެ 32 ވަނަ މާއްދާގައި ބަޔާންވެފައިވާ އުސޫލުގެ ދަށުން އެ މަޢުލޫމާތު ހޯދައިގެން ކަމުގައި ބަޔާންކޮށްފައި ވެއެވެ.

38. ހައިކޯޓުގެ ނިންމުމަށް ބަލާއިރު، ވަކި ކަމެއް މީރާއިން ފާހަގަ ކުރާ ފަދައިން އެ އިދާރާއަށް ވަކިކަމެއް، އިތުރަށް ލާޒިމުކޮށްފައިވާތީ އަހުރެންނަށް ފާހަގަ ނުކުރެވެއެވެ. އިދާރީ ޤާނޫނުގެ 32 ވަނަ މާއްދާއަށް ބަލާއިރު، އެ މާއްދާގައި އޮތީ ތިންވަނަ ފަރާތަކުން ލިޔުން ހޯދުމުގެ އިޚްތިޔާރެއް މީރާއަށް ލިބިދީފައެވެ. މި އިޚްތިޔާރުގެ ބޭނުން ހިފުމުގެ ސަބަބުން ޤާނޫނީ ގޮތުން ތަރުތީބުވެގެން އަންނަ ކަންކަން ކުރަންޖެހުމަކީ، ނުވަތަ ކުރުން ލާޒިމުވުމަކީ، އިޚްތިޔާރެއްގެ ބޭނުން ހިފުމުގެ ސަބަބުން ޤާނޫނު އުފައްދާ ބަރީޢަވުމެއް ނެތް އިލްތިޒާމެކެވެ. ކަންމިހެން އޮތުމުން މި ނުކުތާގައި މީރާއިން ފާހަގަކުރާ ކަންކަމުގެ މައްޗަށް ބިނާކޮށް ހައިކޯޓުގެ ނިންމުމަށް ބަދަލެއް ގެންނަންޖެހޭނެތަނެއް އޮތްކަމުގައި ނުދެކެމެވެ.

ތިންވަނަ ފަރާތް ތަޙްޤީޤު ކުރުން ލާޒިމުކަމާމެދު

39. މީރާގެ ފަރާތުން އިސްތިއުނާފީ ދެވަނަ ނުކުތާގައި، ފާހަގަ ކޮށްފައިވަނީ މި މައްސަލަ ހައިކޯޓުން ނިންމުމުގައި، އިދާރީ ޤާނޫނުގެ 39 ވަނަ މާއްދާގެ ދަށުން ޓެކުހުގެ ޢަދަދެއް ކަނޑައެޅުމަށްޓަކައި އެ ޤާނޫނުގެ 32 ވަނަ މާއްދާއިން އެ ފަރާތަކުން މީރާއަށް މަޢުލޫމާތާއި ލިޔެކިޔުން ހޯދުމުގެ އިޚްތިޔާޔު ލިބިފައިވާ "ތިންވަނަ ފަރާތް" އޮޑިޓްކޮށް ތަޙްޤީޤު ކުރުމަށް ލާޒިމުކޮށްފައި އޮތް އޮތުން ޤާނޫނާ ޚިލާފު ކަމުގައެވެ. އެހެނީ "ތިންވަނަ ފަރާތް" އޮޑިޓްކޮށް ތަޙްޤީޤުކުރުމަށް ޤާނޫނުގައި ބަޔާންވެފައިނުވާ ކަމުގައި މީރާއިން ފާހަގަ ކުރެއެވެ. މި ނުކުތާއަށް ޢަބްދުﷲ ޝަރީފްގެ ފަރާތުން ތާއީދު ކުރެއެވެ.

40. މީރާއިން ފާހަގަ ކުރާ ހައިކޯޓުގެ ނިންމުމަށް ބަލާއިރު، އެ ނިންމުމުގައި، "... ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 39 ވަނަ މާއްދާގެ ދަށުން ޢަދަދެއް ކަނޑައެޅޭނީ ދެ ފަރާތުގެ ހިސާބުތަކާއި ލިޔެކިޔުންތައް އޮޑިޓްކޮށް، ތަޙްޤީޤެއް ވެސް ހިންގުމަށްފަހުކަން އެ މާއްދާއަށް ބެލުމުން އެނގޭތީއެވެ."5 މި ފަދައިން ބަޔާން ކޮށްފައިވެއެވެ.

41. ހައިކޯޓުގެ މި ނިންމުމުގައި އިޝާރާތްކޮށްފައިވާ އިދާރީ ޤާނޫނުގެ 39 ވަނަ މާއްދާއަށް ބަލާއިރު، އެ މާއްދާގައި އެ ފަރާތެއް އޮޑިޓްކުރުމާއި، އެ ފަރާތުގެ މައްޗަށް ތަޙްޤީޤު ހިންގުމުގެ އިޚްތިޔާރު މީރާއަށް ލިބިދީފައިވަނީ ހަމައެކަނި އެ އިދާރާއަށް ޓެކްސް ދައްކާ ފަރާތަށް އެކަންޏެވެ. އަދި އިދާރީ ޤާނޫނުގެ 32 ވަނަ މާއްދާއަށް ބަލާއިރު، އެ ފަރާތެއްގެ އަތުން މައުލޫމާތާއި ލިޔެކިޔުންތައް ހޯދުމުގެ އިޚްތިޔާރު މީރާއަށް ލިބިދީފައިވާ "ތިންވަނަ ފަރާތަކީ" ޓެކްސް ދައްކާ ފަރާތަކަށްވުން ލާޒިމުކޮށްފައި ނުވެއެވެ. އަދި ޓެކްސް ދައްކާ ފަރާތަކަށް ވިޔަސް އެ މާއްދާގެ އެއްވެސް ހިސާބެއްގައި ބަލަމުންދާ މައްސަލައަކާ ގުޅިގެން ތިންވަނަ ފަރާތް އޮޑިޓް ކުރުމުގެ ނުވަތަ އެ ފަރާތުގެ މައްޗަށް ތަޙްޤީޤެއް ހިންގުމުގެ ވާހަކަ ބަޔާންވެފައިނުވެއެވެ.

42. ކަންމިހެން އޮތުމުން އިދާރީ ޤާނޫނުގެ 32 ވަނަ މާއްދާގައި އިޝާރާތްކޮށްފައިވާ "ތިންވަނަ ފަރާތް" ގެ އޮޑިޓްކޮށް ތަޙްޤީޤު ހިންގުން ލާޒިމުވާގޮތަށް ހައިކޯޓުން ނިންމާފައިވާ ނިންމުމަކީ ޤާނޫނާ އެއްގޮތަށް ނިންމާފައިވާ ނިންމުމެއް ކަމުގައި ނުދެކެމެވެ.

މައްސަލަ ނިންމަން ފެންނަ ގޮތް

43. މަތީގައި ބަޔާންކުރި ސަބަބުތަކުގެ މައްޗަށް ބުރަވެ، މި މައްސަލަ އަންނަނިވި ގޮތަށް ނިންމަން އަހުރެންނަށް ފެނެއެވެ.

43.1- ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 39 ވަނަ މާއްދާގެ ދަށުން ޓެކުހުގެ ޢަދަދެއް ކަނޑައެޅުމުގައި، އެ ޤާނޫނުގެ 32 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ތިންވަނަ ފަރާތް އޮޑިޓްކޮށް، ތަޙްޤީޤު ހިންގުން ލާޒިމުވާގޮތަށް ހައިކޯޓުގެ ނަންބަރު 2018/HC-A/423 ޤަޟިއްޔާގައި ނިންމާފައިވާ ނިންމުން ބާޠިލުކަމުގައި ކަނޑައަޅަން ފެނެއެވެ.

43.2- އަދި އެ ނިންމުން ފިޔަވައި، މީރާއިން ހުށަހަޅާފައިވާ ކަންކަމުގެ އަލީގައި ހައިކޯޓުގެ ނަންބަރު 2018/HC-A/423 ޤަޟިއްޔާއަށް ބަދަލު ގެންނަންޖެހޭ ފަދަ ސަބަބެއް ނެތްކަމުގައި ކަނޑައަޅައި މައްސަލަ ނިންމަން ފެނެއެވެ.

ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ ރައުޔު

44. މި މައްސަލައިގައި ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރައުޔު

45. މި މައްސަލައިގައި ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

ޙުކުމް

ދެންފަހެ މަތީގައި ބަޔާންކުރި ސަބަބުތައް އެގޮތުގެ މަތިން ހުރުމުން،

1- ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 39 ވަނަ މާއްދާގެ ދަށުން ޓެކުހުގެ ޢަދަދެއް ކަނޑައެޅުމުގައި، އެ ޤާނޫނުގެ 32 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ތިންވަނަ ފަރާތް އޮޑިޓްކޮށް، ތަޙްޤީޤު ހިންގުން ލާޒިމުވާގޮތަށް ހައިކޯޓުގެ ނަންބަރު 2018/HC-A/423 ޤަޟިއްޔާގައި ނިންމާފައިވާ ނިންމުން ބާޠިލުކަމުގައި މި މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅަމެވެ.

2- އަދި އެ ނިންމުން ފިޔަވައި، މީރާއިން ހުށަހަޅާފައިވާ ކަންކަމުގެ އަލީގައި ހައިކޯޓުގެ ނަންބަރު 2018/HC-A/423 ޤަޟިއްޔާއަށް ބަދަލު ގެންނަންޖެހޭ ފަދަ ސަބަބެއް ނެތްކަމުގައި މި މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅަމެވެ.

މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ: އަޒްމިރާލްދާ ޒާހިރު މަޙާޒު ޢަލީ ޒާހިރު ޙުސްނުއްސުޢޫދު (ރިޔާސަތު)

1

2 ޓްރައިބިއުލްގެ ނަންބަރު TAT-CA-G/2018/001

3 ޤާނޫނު ނަންބަރު 2011/10

4 ޤާނޫނު ނަންބަރު 2010/3

5 ހައިކޯޓު ނަންބަރު 2018/HC-A/423 ޤަޟިއްޔާގެ 15 ވަނަ ޕެރެގްރާފްގެ 7 ވަނަ ލައިން އިން 9 ވަނަ ލައިންއަށް، ސަފުހާ 15.

2022/SC-A/32 [2024] SC 31

2019/SC-A/300 [2021] SC 778

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ޝެއަރ ކުރައްވާ